ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
[2021] SC 103 · 2019/SC-A/52

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ވ. ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް

ސުޕްރީމް ކޯޓުދަށުކޯޓުގެ ނިންމުން ބާޠިލު
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 22 ނޮވެމްބަރު 2021ދަށު ކޯޓު: ސިވިލް ކޯޓު (2567/Cv-C/2017)ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
2018/HC-A/180، 2567/Cv-C/2017
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ޓަގު ބޯޓު ބެލެހެއްޓުމުގެ ޚިދުމަތުގެ އަގާއި ޖީ.އެސް.ޓީ އާއި ޖޫރިމަނާއާއެކު 42,770,054.71 ރުފިޔާ ހޯދުމަށް ސެންޓަރ އެންޓަރޕްރައިސަސްއިން ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ. ސިވިލް ކޯޓުގެ 2567/Cv-C/2017 ޤަޟިއްޔާގައި ދަޢުވާ ސާބިތުވާ ކަމަށް ޙުކުމްކުރިއެވެ. ހައިކޯޓުގެ 2018/HC-A/180 ޤަޟިއްޔާގައި އަޣުލަބިއްޔަތުން އެ ޙުކުމަށް ތާއީދުކުރިއެވެ. އެމް.ޕީ.އެލް އިން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރިއެވެ.
ވާޤިޢާ
2008 ގައި ވެވުނު އެއްބަސްވުމެއްގެ ދަށުން 39,986,205.56 ރުފިޔާއަށް 17 ޓަނުގެ ބޮލާޑް ޕުލް ޓަގު ބޯޓެއް 300 ދުވަހުގެ ތެރޭގައި ބަނދެ ޙަވާލުކުރުމަށް ސެންޓަރ އެންޓަރޕްރައިސަސްއިން އެއްބަސްވިއެވެ. އެއްބަސްވުމަށް ހަތަރު ފަހަރު އިޞްލާޙު ގެނެވުނު ނަމަވެސް، 13 އަހަރު ވީއިރުވެސް ބޯޓު ބަނދެ ނުނިމެއެވެ. މަސައްކަތް ހުއްޓިފައިވާ މުއްދަތުގައި ބޯޓު ބެލެހެއްޓުމަށް އެމް.ޕީ.އެލް އިން 02 މޭ 2013 އަދި 05 ޖަނަވަރީ 2014 ގައި ފޮނުވި ސިޓީތަކުން އެއްބަސްވުމެއް އުފެދިފައިވާ ކަމަށް ބުނެ، ސެންޓަރ އެންޓަރޕްރައިސަސްއިން ދެ އިންވޮއިސް ފޮނުވިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ކުރިއަށް އަގުދީގެން ބަންނަ ޓަގު ބޯޓެއް ބަނދެ ނިމި ގަންނަ ފަރާތާ ޙަވާލުކުރުމުގެ ކުރިން، ބޯޓު ބެލެހެއްޓުމުގެ ޚަރަދަށް ގަންނަ ފަރާތް ޒިންމާވާ ގޮތަށް އިތުރު އެއްބަސްވުމެއް ނެތި، އެ ޚަރަދަށް ގަންނަ ފަރާތް ޒިންމާވާންޖެހޭތޯ؟
ޚަޞްމުންގެ ހުށަހެޅުންތައް
އެމް.ޕީ.އެލް އިން ބުނީ، އައު އެއްބަސްވުމެއް އުފެދިފައިވާ ކަމަށް ކަނޑައެޅީ ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 6 ވަނަ މާއްދާއާ ޚިލާފަށް ކަމަށާއި، ބޯޓު ޙަވާލުކުރުމުގެ ކުރިން ބޯޓުގެ ޒިންމާ އެމް.ޕީ.އެލް އިން އުފުލަންޖެހޭ ކަމަށް ކަނޑައެޅުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފު ކަމަށާއި، އެމް.ޕީ.އެލްގެ ހެކިން ނުގޮވައި މައްސަލަ ނިންމި ކަމަށާއި، އިންވޮއިސްތައް ލިބިފައި ނުވާ ކަމަށެވެ. ސެންޓަރ އެންޓަރޕްރައިސަސްއިން ބުނީ، ސިޓީތަކުގެ ސަބަބުން ބޯޓު ބެލެހެއްޓުމުގެ ޚަރަދު އެމް.ޕީ.އެލް އިން ދޭގޮތަށް އެއްބަސްވުމެއް އުފެދިފައިވާ ކަމަށާއި، މަސައްކަތް ހުއްޓުނީ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ އެންގުމަކުން ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ސުޕްރީމް ކޯޓުން ކަނޑައެޅީ، ޓަގު ބޯޓު ބަނުމުގެ އެއްބަސްވުމުގައި ބޯޓުގެ އަގު ފިޔަވައި އިތުރު ޚަރަދަކަށް އެމް.ޕީ.އެލް ޒިންމާވާ ކަމަށް އެއްބަސްވެފައި ނުވާ ކަމަށާއި، މަސައްކަތް ހުއްޓާލަން އެންޓި-ކޮރަޕްޝަން ކޮމިޝަނުން އަންގާފައި ނުވާ ކަމަށެވެ. ހަތަރު ފަހަރު އިޞްލާޙު ގެނެވުނު ލިޔުމުން ވެފައިވާ އެއްބަސްވުމެއް އޮއްވާ، މުވައްޒަފަކު ފޮނުވާ ސިޓީއަކުން މިހާ ބޮޑު ޒިންމާއެއް އުފެދޭ އެއްބަސްވުމެއް ވުޖޫދުވި ކަމަށް ނުބެލެވޭ ކަމަށް ކޯޓުން ކަނޑައެޅިއެވެ. މި ކަމާ ގުޅޭ ޤާނޫނެއް ނެތުމުން ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާ ގެ ދަށުން އިސްލާމީ ޝަރީޢަތަށް ރުޖޫޢަވެ، ވިއްކާ ފަރާތުގެ ޙިޔާޒަތުގައި މުދާ އޮންނަ ހިނދު މުދަލަށް ޒިންމާވާނީ ވިއްކާ ފަރާތް ކަމަށް ކަނޑައެޅިއެވެ. އެހެންކަމުން ހައިކޯޓާއި ސިވިލް ކޯޓުގެ ޙުކުމް އިއްތިފާޤުން ބާޠިލުކުރިއެވެ.

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

ހައިކޯޓާއި ސިވިލް ކޯޓުގެ ޙުކުމް ބާޠިލު (އިއްތިފާޤުން)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ކުރިއަށް އަގުދީގެން ފަހުން މުދާލިބިގަންނަ ގޮތަށް ހިންގާ ގަނެވިއްކުމުގެ މުޢާމަލާތްތަކުގައި ގަންނަ ފަރާތަށް މުދާ ލިބުމުގެ ކުރިން މުދާ ބެލެހެއްޓުމުގެ ޒިންމާ އުފުލަންޖެހޭ ފަރާތާމެދު، ޤާނޫނު ނަންބަރު 12/2020 (މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތް ކުރުމުގެ ޤާނޫނު) ގައި ވެސް އަދި ރާއްޖޭގައި މި ކަމާއި ގުޅުންހުރި އެހެން ޤާނޫނެއްގައި ވެސް އެއްވެސް ވާހަކައެއް ބަޔާންވެފައި ނުވެއެވެ. މި ޙާލަތުގައި ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގައި ބަޔާންވެގެންވާ ގޮތުން އިސްލާމީ ޝަރީޢަތުގައި މިކަން ކަނޑައެޅިފައިވާ ގޮތަށް ރިޢާޔަތް ކުރަންޖެހެއެވެ.

HN2 އިސްލާމީ ޝަރީޢަތުގައި ގަނެވިއްކުމުގެ މުޢާމަލާތުގައި، ވިއްކާ ފަރާތުގެ ޙިޔާޒަތުގައި މުދާ ހުއްޓާ އެއަށްވާ ގެއްލުމަށް ގަންނަ ފަރާތުން ޒިންމާވާން ޖެހޭނީ ގަންނަ ފަރާތަށް މުދަލާއި ޙަވާލުވުމަށް އަންގައި އެ ފަރާތުން މުދަލާއި ޙަވާލުވުމުގައި ފަރުވާ ކުޑަކޮށް މުދަލާއި ޙަވާލުނުވެ އޮންނަ ޙާލަތުގައެވެ. ދެފަރާތުން އެހެން ގޮތަކަށް އެއްބަސްވެފައި ނުވާނަމަ، ވިއްކާ ފަރާތުގެ ޙިޔާޒަތުގައި މުދާ އޮންނަ ޙާލަތުގައި މުދަލަށް ޒިންމާވާނީ ވިއްކާ ފަރާތުންނެވެ.

HN3 ބޯޓުގެ ފަށަން އަޅައި ނިމުމާއެކު ބޯޓުވަނީ އެމް.ޕީ.އެލް ގެ ނަމުގައި ރަޖިސްޓްރީ ކޮށްފައެވެ. ސަބަބަކީ އެ ބޯޓަކީ އެމް.ޕީ.އެލް އިން އަގުދީގެން ބަންނަ ބޯޓަކަށްވާތީއެވެ. އެމް.ޕީ.އެލް ގެ ނަމުގައި ބޯޓު ރަޖިސްޓްރީ ވެފައި އޮތުމަކީ ބޯޓު ބަންނަ މަރުޙަލާގައި ބޯޑު ބެލެހެއްޓުމުގެ ޒިންމާ އެމް.ޕީ.އެލް އިން އުފުލަން ޖެހޭ ސަބަބެއް ނޫނެވެ. ޓަގު ބޯޓު ބަނދެ ނިމެންދެން ބޯޓު ބެލެހެއްޓުމަކީ ވިއްކާ ފަރާތުގެ ޙައިސިއްޔަތުން ސެންޓަރ އެންޓަރޕްރައިސަސްގެ ޒިންމާއެކެވެ.

HN4 ޓަގު ބޯޓު ބަނުމަށް ދެފަރާތް ދެމެދު ވެފައިވާ އެއްބަސްވުމަށް 4 (ހަތަރެއް) ފަހަރު އިސްލާހެއް ގެނެސް، ދެފަރާތުން އެ 4 (ހަތަރެއް) އެމެންޑްމަންޓުގައި ސޮއިކޮށްފައިވާއިރު، ޓަގު ބޯޓު ބަނުމުގެ މަރްޙަލާގައި އެ ބޯޓު ބެލެހެއްޓުމުގެ ޚަރަދު އެމް.ޕީ.އެލް އިން ދިނުމަށް އެއްބަސްވުމަށް އިތުރު އިސްލާޙެއް ގެނެސް ދެފަރާތުން ސޮއި ކުރުމުގެ ބަދަލުގައި، އެހާބޮޑު ޚަރަދަކަށް ޒިންމާވުމަށް ކުންފުނީގެ މުވައްޒަފަކު ފޮނުވާ ސިޓީއަކުން އެއްބަސްވުމެއް އުފަންކުރުމުގެ ނިޔަތް އެމް.ޕީ.އެލް ގެ އޮވެދާނެ ކަމާމެދު ސުވާލު އުފެދޭކަމެވެ. އިސްވެ ބަޔާންވެދިޔަ ކަންކަމަށް ބަލާއިރު، ޓަގު ބޯޓު ބަނުމުގެ އެއްބަސްވުމުގެ އިތުރުން، ޓަގު ބޯޓު ބަންނަ މަރްޙަލާގައި ބޯޓު ބެލެހެއްޓުމުގެ ޚަރަދު އެމް.ޕީ.އެލް އިން ދިނުމަށް އެއްބަސްވުމެއް ވުޖޫދު ވެފައިވާ ކަމަށް ބެލެވޭނެ ތަނެއް ނެތް ކަމަށް އަހުރެން ދެކެމެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޢަލީ ރަޝީދު ޙުސައިން (ރިޔާސަތު)، ޙުސްނުއްސުޢޫދު، ޑރ. މުޙައްމަދު އިބްރާހީމް
ރިޔާސަތު
ޢަލީ ރަޝީދު ޙުސައިން
ރައުޔު ލިޔުނު ފަނޑިޔާރު
ޢަލީ ރަޝީދު ޙުސައިން · ތާއީދުކުރެއްވީ: ޙުސްނުއްސުޢޫދު، ޑރ. މުޙައްމަދު އިބްރާހީމް
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު (ފަނޑިޔާރު ޙުސްނުއްސުޢޫދު އަދި ފަނޑިޔާރު ޑރ.

މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި)

ތަޢާރުފު

1މި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/180 ޤަސިއްޔާ ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫން ކަމަށް ބުނެ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ކުންފުނި ރަޖިސްޓްރޭޝަން ނަންބަރު: C-846/2008) (މީގެ ފަހުން "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "އެމް.ޕީ.އެލް" ކަމަށް ބުނެފައިވާ ކުންފުނި) ގެ ފަރާތުން ސުޕްރީމް ކޯޓަށް އިސްތިއުނާފަށް ހުށަހެޅި މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް (ކުންފުނި ރަޖިސްޓްރޭޝަން ނަންބަރު: C-292/2006) (މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "ސެންޓަރ އެންޓަރޕްރައިސަސް" ކަމަށް ބުނެފައިވާ ކުންފުނި) އެވެ.

މައްސަލައިގެ ފަސްފަހަތް

2އެމް.ޕީ.އެލް އާއި ސެންޓަރ އެންޓަރޕްރައިސަސްއާ ދެމެދު 17 (ސަތާރަ) ޓަނުގެ ބޮލާޑް ޕުލް (Bollard Pull) ޓަގު ބޯޓު (މީގެ ފަހުން "ޓަގު ބޯޓު" ކަމަށް ބުނެފައިވާ) ބަނދެ، ސަޕްލައި ކޮށްދިނުމަށް 18 ސެޕްޓެންބަރު 2008 ގައި އެއްބަސްވުމެއް (މީގެ ފަހުން "ޓަގު ބޯޓު ބަނުމަށް ވެވުނު އެއްބަސްވުން" ކަމަށް ބުނެފައިވާ އެއްބަސްވުން) ހެދިފައިވެއެވެ.

3އެކި ސަބަބުތަކާ ހުރެ ޓަގު ބޯޓު ބަނުމަށް ވެވުނު އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދެވުނު މަސައްކަތްތައް ހުއްޓިފައިވަނިކޮށް، ބެލެހެއްޓުމެއް ނެތި ތިލަފުށީ އަތިރިމަތީގައި ޓަގު ބޯޓު ދިގު މުއްދަތެއް ވަންދެން އޮވެއްޖެނަމަ، އޭގެ ސުޕަރ ސްޓްރަކްޗަރ އަދި ހަލްގެ ކޮލިޓީ ގެއްލި، ދަބަރުޖަހައި ވީރާނާވެދާނެ ކަމަށް ޤަބޫލުކުރެވިގެން، ވަކިން އަގު ދައްކަމުންދާގޮތަށް އެ ޓަގު ބޯޓު ބެލެހެއްޓުމުގެ މަސައްކަތް ސެންޓަރ އެންޓަރޕްރައިސަސްއިން ކޮށްދިނުމަށް އެމް.ޕީ.އެލް އިން އެދިފައިވާ ކަމަށް ބުނެ، ސެންޓަރ އެންޓަރޕްރައިސަސްއިން 01 މޭ 2013 އިން ފެށިގެން އެ ޓަގު ބޯޓު ބެލެހެއްޓުމުގެ ޚިދުމަތުގެ އަގު ހޯދުމަށް އެމް.ޕީ.އެލް އަށް ދެ އިންވޮއިސް ފޮނުވާފައިވެއެވެ. ފުރަތަމަ އިންވޮއިސް އަކީ 2014 މެއި މަހުން ފެށިގެން 2013 ޑިސެމްބަރ މަހުގެ ނިޔަލަށް ޓަގު ބޯޓު ބެލެހެއްޓުމުގެ ޚަރަދަށް 11,641,330.64ރ (އެގާރަ މިލިއަން ހަލައްކަ ސާޅީސް އެއްހާސް ތިންސަތޭކަ ތިރީސް ރުފިޔާ ފަސްދޮޅަސް ހަތަރު ލާރި) ދޭންޖެހޭ ކަމަށް ބުނެ ހުށައެޅި އިންވޮއިސް އަކާއި، ދެވަނަ އިންވޮއިސް އަކީ 2014 ޖެނުއަރީ މަހުން ފެށިގެން 2014 ޑިސެމްބަރ މަހުގެ ނިޔަލަށް ޓަގު ބޯޓު ބެލެހެއްޓުމުގެ ޚަރަދަށް 13,343,754.62ރ (ތޭރަ މިލިއަން ތިންލައްކަ ސާޅީސް ތިންހާސް ހަތްސަތޭކަ ފަންސާސް ހަތަރު ރުފިޔާ ފަސްދޮޅަސް ދެލާރި) ދޭންޖެހޭ ކަމަށް ބުނެ ހުށައެޅި އިންވޮއިސްއެކެވެ. އިންވޮއިސް ލިބޭތާ ހަތް ދުވަހުގެ ތެރޭގައި ފައިސާ ނުދައްކައިފިނަމަ، އިތުރުވާ ކޮންމެ މަހަކަށް އިންވޮއިސްގައިވާ ޢަދަދުގެ %2 ޖޫރިމަނާ ވާނެ ކަމަށް ކޮންމެ އިންވޮއިސްއެއްގައި ވެސް ބަޔާންކޮށްފައިވެއެވެ.

4ސެންޓަރ އެންޓަރޕްރައިސަސްއިން ފޮނުވި އިންވޮއިސްތަކާ އެމް.ޕީ.އެލް އިން ޙަވާލުވި ނަމަވެސް، އެންޓި-ކޮރަޕްޝަން ކޮމިޝަނުން އަންގައިގެން ކަމަށް ބުނެ އެމް.ޕީ.އެލްގެ ފަރާތުން އެ އިންވޮއިސްތަކަށް ފައިސާ ދައްކާފައިނުވާ ކަމަށް ބުނެ، ސެންޓަރ އެންޓަރޕްރައިސަސްއިން ފޯރުކޮށްދިން ޚިދުމަތުގެ އަގު ހޯދުމަށް ފޮނުވި އިންވޮއިސްތަކުގެ ޕްރިންސިޕަލް އަދަދާއި ޖީ.އެސް.ޓީ އާއި ޖޫރިމަނާއާއެކު، ޖުމުލަ 42,770,054/71ރ. (ސާޅީސްދެމިލިއަން ހަތްލައްކަ ހަތްދިހަހާސް ފަންސާސްހަތަރެއް ރުފިޔާ ހަތްދިހަ އެކެއް ލާރި) އަކީ އެމް.ޕީ.އެލް އިން ދައްކަންޖެހޭ ފައިސާ ކަމުގައި ކަނޑައަޅައި ދިނުމަށާއި، އެ ފައިސާ އެމް.ޕީ.އެލް ގެ ކިބައިން ނަގައި ދިނުމަށް އެދި ސެންޓަރ އެންޓަރޕްރައިސަސްގެ ފަރާތުން އެމް.ޕީ.އެލް ގެ މައްޗަށް ސިވިލް ކޯޓުގައި ދަޢުވާ ކުރިއެވެ.

ސިވިލް ކޯޓުން ނިންމިގޮތް

5ސެންޓަރ އެންޓަރޕްރައިސަސްއިން ހުށަހެޅި މައްސަލަ ބަލާފައި ވަނީ ސިވިލް ކޯޓުގެ ނަންބަރު 2567/Cv-C/2017 ޤަޝިއްޔާއިންނެވެ.

6ސެންޓަރ އެންޓަރޕްރައިސަސް އިން ހޯދުމަށް ދަޢުވާކުރި 42,770,054/71ރ. (ސާޅީސްދެމިލިއަން ހަތްލައްކަ ހަތްދިހަހާސް ފަންސާސްހަތަރެއް ރުފިޔާ ހަތްދިހަ އެކެއް ލާރި) އަކީ ސެންޓަރ އެންޓަރޕްރައިސަސް އިން އެމް.ޕީ.އެލް އަށް ފޯރުކޮށްދީފައިވާ ޓަގު ބޯޓު ބެލެހެއްޓުމުގެ ޚިދުމަތުގެ އަގުގެ ގޮތުގައި އެމް.ޕީ.އެލް އިން ސެންޓަރ އެންޓަރޕްރައިސަސް އަށް އަދާކުރަންޖެހި، އަދާކޮށްފައިނުވާ ފައިސާއެއްކަން މަދަނީ މިންގަނޑުތަކުން ޝަރީޢަތަށް ސާބިތުވާ ކަމަށް ކަނޑައަޅައި، ސިވިލް ކޯޓުން ޙުކުމް ކޮށްފައިވެއެވެ.

7ސިވިލް ކޯޓުން ޙުކުމް ކޮށްފައިވަނީ ޤާނޫނާ އެއްގޮތަށް ނޫން ކަމަށް ބުނެ އެމް.ޕީ.އެލް އިން އެ ޙުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ.

ހައިކޯޓުން ނިންމިގޮތް

8އެމް.ޕީ.އެލް އިން އިސްތިއުނާފު ކުރި މައްސަލަ ބަލާފައިވަނީ ހައިކޯޓުގެ ނަންބަރު 2018/HC-A/180 ޤަޟިއްޔާއިންނެވެ.

9ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭފަދަ އެއްވެސް ސަބަބެއް ނެތް ކަމަށް، އެ މައްސަލަ ބެލި ހައިކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމައި، ސިވިލް ކޯޓުގެ ޙުކުމަށް ތާއީދުކޮށް މި ޤަޟިއްޔާގައި ހައިކޯޓުން ޙުކުމް ކޮށްފައިވެއެވެ.

10އަޣުލަބިއްޔަތު ރައުޔަށް ބެލުމުން، ހައިކޯޓުން އެ ޙުކުމަށް ވާސިލުވެފައި ވަނީ އަންނަނިވި ކަންތައްތަކުގެ މައްޗަށް ބިނާކޮށް ކަން ފާހަގަކުރެވެއެވެ.

10.1 ޓަގު ބޯޓު ބަނުމަށް ވެވުނު އެއްބަސްވުމުގައި ޓަގު ބޯޓު ބަނދެ ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާ މުއްދަތު ފާއިތުވިއިރު ވެސް އެ މަސައްކަތް ނިމިފައިނުވާ ކަމަށް ބުނާ މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނުން ތަޙުޤީޤު ކުރަމުންދިޔަ ކަމާއި ، އެ މައްސަލައިގައި ކަން ކުރަން ފެންނަ ގޮތުގެ އިރުޝާދު އެމް.ޕީ.އެލް އަށް އެންޓި- ކޮރަޕްޝަން ކޮމިޝަނުން ދީފައިވާ ކަން އެނގެން އޮތުން އަދި

10.2 ޓަގު ބޯޓު ބަނުމުގެ މަސައްކަތް ފެށިދާނެ ކަމުގެ އެއްވެސް ޔަޤީންކަމެއް ނެތުމުން، 2013 އެޕްރީލް 29 ވަނަ ދުވަހު އެމް.ޕީ.އެލް ގެ ހެޑް އޮފީހުގައި މަޝްވަރާކުރެވިފައިވާ ގޮތަށް ޓަގު ބޯޓު ބެލެހެއްޓުމުގެ ޒިންމާ ކޮންޓްރެކްޓަރުގެ ހައިސިއްޔަތުން ސެންޓަރ އެންޓަރޕްރައިސަސްއާ ޙަވާލުކުރުމަށް އެމް.ޕީ.އެލް ގެ އޮޑިޓް ކޮމިޓީން ނިންމާފައިވުމުން، އެއްބަސްވެވުނު ފަދައިން ޓަގު ބޯޓު ބެލެހެއްޓުމަށްޓަކައި 01 މޭ 2013 އިން ފެށިގެން ކުރިއަށް ގެންދެވުނު މަސައްކަތްތަކުގެ ތަފުޞީލާއެކު އިންވޮއިސް ހުށަހެޅުމުން އޮޑިޓް ކޮމިޓީން ލަދާ ދޭ ގޮތެއްގެމަތީން ބިލްތަކަށް ފައިސާ ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އެމް.ޕީ.އެލް ގެ ފަރާތުން ސެންޓަރ އެންޓަރޕްރައިސަސް އަށް 02 މޭ 2013 ގައި ސީޓިއެއް 4 ފޮނުވައި އަންގާފައި ވުމުންނާއި، އިސްވެ ބުނެފައިވާ ސީޓިގައި ބުނެފައިވާ ފަދައިން ޓަގު ބޯޓު ބަލަހައްޓައި ދިނުމުގެ މަސައްކަތް މެދުކެނޑުމެއް ނެތި ކުރިއަށް ގެންގޮސްދިނުމަށް އެދޭ ކަމާއި، ޓަގު ބޯޓު ބެލެހެއްޓުމުގެ ގޮތުން ފޯރުކޮށްދީފައިވާ ޚިދުމަތްތަކަށް އެމް.ޕީ.އެލް އަށް ލިބިފައިވާ ޓެކްސް އިންވޮއިސް އާއި ސްޓޭޓްމަންޓް ރިވިއު ކުރުމަށްފަހު ފައިސާ ދޫކުރުމުގެ މަސައްކަތް އޮޑިޓް ކޮމިޓީން ކުރަމުން އަންނަ ކަމަށް ބުނެފައިވާކަން، އެމް.ޕީ.އެލް ގެ ފަރާތުން ސެންޓަރ އެންޓަރޕްރައިސަސް އަށް 05 ޖަނަވަރީ 2014 ގައި ފޮނުވާފައިވާ ސިޓީއިން އެނގެން އޮތުމުން، މިއީ ދިވެހިރާއްޖޭގެ ވިޔަފާރި ޠަބީއަތުގެ މުޢާމަލާތްތަކުގައި ޢަމަލުކުރަމުންދާ ކޮންޓްރެކްޓާބެހޭ ޤަނޫނުގެ މަފްހޫމުގެ ތެރެއިން އެއްބަސްވުމެއްގެ ފުރިހަމަ އުންޞުރު ހަމަވާ، އީޖާބާއި ޤަބޫލު ފުރިހަމަވެފައިވާ، ކޮންޓްރެކްޓާބެހޭ ޤަނޫނާ އެއްގޮތްވާ ގޮތުގެމަތިން ތަހުޒީބީ މުޖުތަމަޢުތަކުގައި މިފަދަ ވިޔަފާރި ޠަބީޢަތުގެ މުޢާމަލާތްތައް ކުރުމުގައި ޢަމަލުކުރާ އުޞޫލާ އެއްގޮތްވާ ގޮތުގެމަތީން، ޕްރޮފެޝަނަލް މިންގަނޑެއްގައި ދެ ފަރާތުގެ ދެމެދުގައި ވާހަކަ ދެކެވި އެއްބަސްވެވި ފުރިހަމަ ކުރެވިފައިވާ ކަމެއް ކަން ޝަރީޢަތަށް ޤަބޫލު ކުރެވުން؛ އަދި 4 މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ ނަންބަރު 113/DCEO/MISC/2013/110 (02 މޭ 2013) ސިޓީ. 5 މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ ނަންބަރު 113/DCEO/MISC/2013/110 (02 މޭ 2013) ސިޓީ. 6 މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ ނަންބަރު 113/DCEO/MISC/2014/541 (05 ޖަނަވަރީ 2014) ސިޓީ. 7 ޤާނޫނު ނަންބަރު 4/91 8 ޤާނޫނު ނަންބަރު 4/91

10.3. ސެންޓަރ އެންޓަރޕްރައިސަސް އިން ފޮނުވާފައިވާ އިންވޮއިސްތަކަކީ އެމް.ޕީ.އެލް އިން ޤަބޫލު ކުރާ އިންވޮއިސްތަކެއް ނޫން ކަމަށާއި، އެ އިންވޮއިސްތައް ލިބިފައިނުވާ ކަމަށް ބުނިނަމަވެސް، އެ ދެ އިންވޮއިސްގައިވާ އެމް.ޕީ.އެލް ގެ އެންޓްރީ ތައްގަނޑުން، އެ ދެ އިންވޮއިސް ވެސް އެމް.ޕީ.އެލް ގެ ރިސެޕްޝަނަށް ލިބިފައިވާކަން އެނގެން އޮތުމާއި، ފުރަތަމަ އިންވޮއިސް ބަލައިގަތް ކަމަށް ތައްގަޑު ޖަހާފައިވާ "ޒޫނާ" ނަމަކަށް ކިޔާ މުވައްޒަފު، އެމް.ޕީ.އެލް ގެ ވަޒީފާއަށް ގުޅުނީ އެންޓްރީ ތައްގަނޑުގައިވާ ތާރީޚަށް ވުރެ ފަހުގެ ތަރީޚެއްގައި ކަމުގައި ބުނެ އެމް.ޕީ.އެލް އިން ހުށަހަޅާފައިވާ ވަޒީފާގެ އެއްބަސްވުމަށް ބަލާއިރު، އެމް.ޕީ.އެލް ގައި އާންމުކޮށް ގެންގުޅޭ ވަޒީފާގެ އެއްބަސްވުންތަކާ އަޅައި ކިޔައި ބެލުމުން، ކުންފުނީގެ ސްޓޭމްޕް ނެތުމާއި ސޮއި ކުރަންޖެހޭ ތަންތަނުގައި ސޮއި ނެތުން ފަދަ ތަފާތުތަކެއް ހުރުމުން، އެ ވަޒީފާގެ އެއްބަސްވުމަކީ ޞައްޙަ އެއްބަސްވުމެއް ކަމަށް ކަނޑައެޅޭނެ ތަނެއް ނެތުމާއި، އެމް.ޕީ.އެލް އިން ސެންޓަރ އެންޓަރޕްރައިސަސް އަށް 02 މޭ 2013 އަދި 05 ޖަނަވަރީ 2014 ގައި ފޮނުވާފައިވާ ސިޓީތަކުގައި، ސެންޓަރ އެންޓަރޕްރައިސަސް އިން ފޮނުވާފައިވާ އިންވޮއިސްތަކަށް ޙަވާލާދީ ވާހަކަ ދައްކާފައިވުމުން، އެ ދެ އިންވޮއިސްއަކީ އެމް.ޕީ.އެލް އިން ޤަބޫލު ކުރާ އިންވޮއިސްތަކެއް ނޫން ކަމަށާއި، އެ އިންވޮއިސްތައް ލިބިފައިނުވާ ކަމަށް ބުނާބުނުމުގައި ޝަރީޢަތަށް ޤަބޫލު ކުރެވޭ ހުއްޖަތެއް ނެތުން؛ އަދި

10.4. ޓަގު ބޯޓު ބަނދެ ފުރިހަމަ ކުރުމަށްފަހު އެމް.ޕީ.އެލް އާއި ޙަވާލު ކުރުމަކީ ސެންޓަރ އެންޓަރޕްރައިސަސްގެ ޒިންމާއެއް ކަމަށާއި، އެ މަސައްކަތް ފުރިހަމަވަންދެން އެ ޓަގު ބޯޓު ބެލެހެއްޓުމަކީ އިތުރު އަގަކާ ނުލައި ސެންޓަރ އެންޓަރޕްރައިސަސް އިން ކުރަންޖެހޭ ކަމެއް ކަމަށް އެމް.ޕީ.އެލް އިން ބުނި ނަމަވެސް، އެމް.ޕީ.އެލް އިން ސެންޓަރ އެންޓަރޕްރައިސަސް އަށް 02 މޭ 2013 އަދި 05 ޖަނަވަރީ 2014 ގައި ފޮނުވާފައިވާ ސިޓީތަކުގައި ދެކެވިފައިވާ ވާހަކަތަކަށް ރިޢާޔަތް ކުރާއިރު، ޓަގު ބޯޓު ބެލެހެއްޓުމުގެ މަސައްކަތަކީ އެއްވެސް އަގަކާ ނުލައި ސެންޓަރ އެންޓަރޕްރައިސަސް އިން ކުރަން ޖެހޭ ކަމެއް ކަމަށް އެމް.ޕީ.އެލް އަށް ބުނެވެނެ ޖާގައެއް ނެތް ކަމަށް މައްސަލަ ބެލި ފަނޑިޔާރުންގެ އަޢުލަބިއްޔަތުން އެއްބަސްވެވުން.

11ހައިކޯޓުގެ ނަންބަރު 2018/HC-A/180 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫން ކަމަށް ބުނެ އެމް.ޕީ.އެލް އިން އެ ޤަޟިއްޔާ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ.

ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ނުކުތާތައް

12އިސްތިއުނާފުކުރާ ފަރާތުން އިސްވެ ބަޔާންވެދިޔަ ހައިކޯޓުގެ ޤަޟިއްޔާ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަމުން ހުށަހަޅާފައިވާ ނުކުތާތައް ތިރީގައި އެ ވަނީ އެވެ.

12.1. އިސްތިއުނާފީ ފުރަތަމަ ނުކުތާއަކީ: ސެންޓަރ އެންޓަރޕްރައިސަސް އާއި އެމް.ޕީ.އެލް އާއި ދެމެދު ޓަގު ބޯޓާ ގުޅިގެން އައު އެއްބަސްވުމެއް އުފެދިފައިވާ ކަމަށް ކަނޑައަޅާފައިވަނީ ކޮންޓްރެކްޓާބެހޭ ޤަނޫނުގެ 6 ވަނަ މާއްދާއާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

12.2. އިސްތިއުނާފީ ދެވަނަ ނުކުތާއަކީ: ދެ ފަރާތުގެ ދެމެދުގައި ޓަގު ބޯޓާ ގުޅިގެން ކުރިން ވެފައިވާ އެއްބަސްވުމެއްގެ ދަށުން ސެންޓަރ އެންޓަރޕްރައިސަސް އިން އެމް.ޕީ.އެލް އަށް ފޯރުކޮށްދޭން ޖެހޭ ޓަގު ބޯޓުގެ މަސައްކަތް ނިންމައި، ޓަގު ބޯޓު ޙަވާލުކުރުމުގެ ކުރިން، ޓަގު ބޯޓާ ގުޅިގެން އެމް.ޕީ.އެލް އިން ޓަގު ބޯޓާގުޅޭ ޒިންމާތައް އުފުލަންޖެހޭ ކަމަށް ކަނޑައަޅާފައިވަނީ ޝަރުޢީ އަދި ޤަނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

12.3. އިސްތިއުނާފީ ތިންވަނަ ނުކުތާއަކީ: ދިފާޢު ސާބިތު ކުރުމަށް އެމް.ޕީ.އެލް އިން ހުށަހެޅި ހެކިން ހާޒިރުކުރުމަކާ ނުލައި މައްސަލަ ނިންމާފައިވުމަކީ، ދަޢުވާއިން ބަރީޢަވުމަށް އެމް.ޕީ.އެލް އަށް އޮތް ފުރުޞަތު ބަންދުވެގެން ދިޔަ ދިޔުމަކަށް ވާތީ، މިއީ ޝަރުޢީ އަދި ޤާނޫނީ އުޞޫލާ ޚިލާފު ނިންމުމެއް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

12.4. އިސްތިއުނާފީ ހަތަރުވަނަ ނުކުތާއަކީ: ސެންޓަރ އެންޓަރޕްރައިސަސް އިން އެމް.ޕީ.އެލް އަށް ފޮނުވި ކަމަށް ބުނާ އިންވޮއިސްތައް އެމް.ޕީ.އެލް އަށް ލިބިފައިނުވާއިރު، އެ އިންވޮއިސް ޙަވާލުވި ކަމަށް ބުނާ މުވައްޒަފު ޙަވާލުވި ކަމަށް ބުނި ތާރީޚުގައި އެމް.ޕީ.އެލް ގެ ވަޒީފާއަށް ވެސް ވަދެފައިނުވާއިރު، އެ ކަމަށް ރިޢާޔަތްނުކޮށް އެ އިންވޮއިސް އެމް.ޕީ.އެލް އަށް ލިބިފައިވާ ކަމަށް ހައިކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤަނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

ޓަގު ބޯޓު ބަނުމަށް ވެވުނު އެއްބަސްވުން

13ޓަގު ބޯޓު ބަނުމަށްޓަކައި އެމް.ޕީ.އެލް އާއި ސެންޓަރ އެންޓަރ ޕްރައިސަސް އާއި ދެމެދު 18 ނޮވެންބަރު 2008 ގައި ސޮއިކުރެވުނު އެއްބަސްވުމުގައި ބަޔާންވެގެންވާ ގޮތުން އެ ޓަގު ބޯޓުގެ އަގަކީ -/39,986,205.56 (ތިރީސް ނުވަ މިލިޔަން ނުވަލައްކަ އަށްޑިހަ ހައެއް ހާސް ދުއިސައްތަ ފަހެއް ރުފިޔާ ފަންސާސް ހަލާރި) އެވެ. މި އެއްބަސްވުމުގެ ދަށުން ބޯޓު ބަނދެ ނިންމައި އެމް.ޕީ.އެލް އާއި ޓަގު ބޯޓު ޙަވާލުކުރަންޖެހޭ ތާރީޚަކީ އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 300 (ތިންސަތޭކަ) ދުވަހެވެ.

14އެހެން ނަމަވެސް މަސައްކަތް ނުނިމި، މި އެއްބަސްވުން ހަތަރު ފަހަރެއްގެ މަތިން އިޞްލާހު ކުރެވި، 4 (ހަތަރެއް) އެމެންޑްމަންޓެއް ގައި ވަނީ ސޮއިކުރެވިފައެވެ. މިގޮތުން ފުރަތަމަ އެމެންޑްމަންޓުގައި ސޮއިކުރީ 18 ނޮވެންބަރު 2009 ގައި ކަމާއި ދެވަނަ އެމެންޑްމަންޓުގައި ސޮއިކޮށްފައިވަނީ 14 ފެބުރުވަރީ 2010 ގައި ކަމާއި، އަދި ތިންވަނަ އެމެންޑްމަންޓުގައި ސޮއިކުރެވިފައިވަނީ 15 ޖޫން 2011 ގައެވެ. އޭގެ ފަހުން ހަތަރު ވަނަ އެމެންޑްމަންޓުގައި ސޮއިކޮށްފައިވަނީ، 31 ޖުލައި 2012 ގައެވެ.

15ހަތަރުވަނަ އެމެންޑްމަންޓަކީ ޓަގު ބޯޓު ބަނުމުގެ މަސައްކަތް ފުރިހަމަ ކުރުމަށްޓަކައި ކޮންޓްރެކްޓަށް ގެނެވޭ އެންމެ ފަހުގެ ބަދަލުކަމާއި މި ބަދަލަށް ފަހު، ސެންޓަރ އެންޓަރޕްރައިސަސްގެ މަސައްކަތް ފުރިހަމަ ކުރުމަށް އިތުރު ލުޔެއް ނުލިބޭނެ ކަމާއި، އެއަށްފަހު، ސެންޓަރ އެންޓަރ ޕްރައިސަސްއިން އެއްބަސްވުމާ ޚިލާފުވެއްޖެނަމަ އެކަމުގެ ސަބަބުން، އިތުރު ފުރުސަތެއް ނެތި އެއްބަސްވުން ނިމުކަށް އަންނާނެކަމަށް އެއްބަސްވުމަށް ބެލުމުން ދޭހަ ވެއެވެ.

16އެހެންގޮތަކަށް އެއްބަސްވުމުގައި ބަޔާންކޮށްފައި ނުވާ ޙާލަތުގައި، ޓަގު ބޯޓުގެ ޖުމްލަ އަގު ފިޔަވައި، ފައިސާއާ ގުޅޭ އިތުރު ޒިންމާއެއް އެމް.ޕީ.އެލް އިން އުފުލަން ނުޖެހޭނެކަން އެއްބަސްވުމަށް ބެލުމުން ދޭހަވާ ކަމާއި، ޓަގު ބޯޓު ބަނުމުގެ އެއްވެސް މަރުޙަލާއެއްގައި ބޯޓު ބެލެހެޓުމުގެ އެއްވެސް ޚަރަދަކަށް އެމް.ޕީ.އެލް އިން ޒިންމާ އުފުލަން ޖެހޭކަމަށް ޓަގު ބޯޓު ބަނުމުގެ އެއްބަސްވުމުގައި ދެފަރާތުން އެބަސްވެފައި ނުވާކަން އެގެއެވެ. ބޯޓު ބަނުމުގެ މަސައްކަތް އެންޓިކޮރަޕްޝަން ކޮމިޝަނުން ހުއްޓުވާފައި ނުވާކަން

17ޓަގު ބޯޓު ބަނުމުގެ މަސައްކަތް ހުއްޓިފައިވަނީ އެންޓިކޮރަޕްޝަން ކޮމިޝަންގެ އެންގުމެއްގެ ސަބަބުން ކަމަށް ސެންޓަރ އެންޓަރ ޕްރައިސަސް އިން ބުނެފައިވާއިރު، ސެންޓަރ އެންޓަރ ޕްރައިސަސްއާއި އެމް.ޕީ.އެލް އާ ދެމެދުވެފައިވާ އެއްބަސްވުމުގެ ދަށުން، ޓަގު ބޯޓު ބަޔާމުގެ މަސައްކަތް ލަސްވެ، އެ މަސައްކަތް ފުރިހަމަ ކުރުމެއް ނެތި ފައިސާ ދޫކުރަން އުޅޭކަމުގެ ޝަކުވާ ތަކެއް އެ ކޮމިޝަނަށް ލިބިފައިވާތީ، ސެންޓަރ އެންޓަރ ޕްރައިސަސް އިން ބޯޓު ބަނުމުގެ މަސައްކަތް ފުރިހަމަ ކުރަމުން ދާވަރަކުން އެ މަސައްކަތް ގަވާއިދުން ބެލުމަށްފަހު ފައިސާ ދޫކުރުމަށް އެމް.ޕީ.އެލް އަށް އިރުޝާދު ދީފައިވާކަން އެ ކޮމިޝަނުން ފޮނުވާފައިވާ ސިޓީތަކުން އެނގެން އޮތްކަން ފާހަގަކުރެވޭ ކަމާއި، މަސައްކަތް ކުރިއަށް ނުގެންދިޔުމަށް، ނުވަތަ އެއްބަސްވުމާއި އެއްގޮތަށް ކުރި މަސައްކަތްތަކަށް އަގުނުދިނުމަށް އެންޓިކޮރަޕްޝަން ކޮމިޝަނުން އަންގާފައި ނުވާކަން އެ ސިޓީތަކުން އެގެން އޮތްކަން ފާހަގަކުރެވެއެވެ.

18ޓަގު ބޯޓުގެ މަސައްކަތް ހުއްޓާލާފައިވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ އެންގުމުގެ ސަބަބުން ކަމަށްބުނެ، އެކަމުގެ ސަބަބުން ސެންޓަރ އެންޓަރޕްރައިސަސް އަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ކަމަށްބުނެ، 815,913,266.94-/-ރ. (އަށްސަތޭކަ ފަނަރަ މިލިޔަން ނުވަލައްކަ ތޭރަހާސް ދުއިސައްތަ ފަސްދޮޅަސް ހަރުފިޔާ ނުވަދިހަ ހަތަރު ލާރި) ނަގައި ދިނުމަށް އެދި އެންޓި- ކޮރަޕްޝަން ކޮމިޝަނުގެ މައްޗަށް ސެންޓަރ އެންޓަރޕްރައިސަސް އިން ކުރި ދަޢުވާ ސިވިލް ކޯޓު އަދި ހައިކޯޓުން ވެސް ނިމިފައިވަނީ ސެންޓަރ އެންޓަރޕްރައިސަސްއާއި ދެކޮޅަށެވެ. ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިނުވެއެވެ. ކޮމިޝަނުގެ އެންގުމަކީ ޤާނޫނީ ޒިންމާ އަދާކުރުމަށްޓަކައި ހެޔޮނިޔަތުގައި އަންގާފައި އޮތް އެންގުމެއް ކަމަށާއި އެކަމުގެ ސަބަބުން ބަދަލެއް ދޭން ނުޖެހޭނެކަމަށް ސިވިލް ކޯޓުން ނިންމި ނިންމުމަށް ހައިކޯޓުން ތާއިދުކޮށްފައި ވާއިރު، ހައިކޯޓުގެ އެ ނިންމުން ނިހާއީ ޙުކުމަކަށް ވެފައިވާކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައިވާ ސެންޓަރ އެންޓަރޕްރައިސަސް ވ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑް މި ޤަޟިއްޔާގައި ފާހަކޮށްފައިވާތީ، އެ ކޮމިޝަނުގެ އިރުޝަދަކާ ގުޅުވައި ބަދަލެއް ހޯދުމަށް އިތުރު އެއްވެސް ދައުވާކުރެވިދާނެ އަސާސެއް މިހާރު އޮތްކަމަކަށް އަހުރެންނަށް ބުރަ ނުވެވެއެވެ. ޓަގު ބޯޓު ބަނުމުގެ އެއްބަސްވުމުގެ އިތުރުން އެހެން އެއްބަސްވުމެއް އުފެދިފައިވޭތޯ ބެލުން

19HN4ޓަގު ބޯޓު ބަނުމުގެ އެއްބަސްވުމުގެ އިތުރުން، ޓަގު ބޯޓު ބަނުމުގެ މަސައްކަތް ހުއްޓާލާފައި އޮންނަ އޮތުމުގައި އެ ބޯޓު ބެލެހެއްޓުމުގެ ކަންކަން ސެންޓަރ އެންޓަރޕްރައިސަސް އިން ކުރުމަށް ދާ ޚަރަދު އެމް.ޕީ.އެލް އިން ދޭގޮތަށް ދެފަރާތް ދެމެދު އެއްބަސްވުމެއް އުފެދިފައިވާ ކަމަށް ސެންޓަރ އެންޓަރޕްރައިސަސް އިން ބުނެފައިވެއެވެ. މިކަމާއި ގުޅިގެން ދެފަރާތުން ދެއްކި ވާހަކަތަކާއި ހުށަހެޅިފައިވާ އެންމެހާ ލިޔުންތައް ބަލައި ދިރާސާކުރިއިރު އަންނަނިވި ކަންކަން ފާހަގަކުރެވިފައިވެއެވެ.

19.1 ޓަގު ބޯޓު ބަންނަ މަރްޙަލާގައި ބޯޓު ބެލެހެއްޓުމުގެ ޚަރަދު ދިނުމަށް އެމް.ޕީ.އެލް އިން އެއްބަސްވެފައި ނުވާނެ ކަމަށް ސިވިލް ކޯޓާއި ހައިކޯޓާއި ސުޕްރީމް ކޯޓުގައިވެސް އެމް.ޕީ.އެލް އިން ބުނެފައިވާ ކަމެވެ.

19.2 އިސްވެ ބަޔާންވެދިޔަ 14 ވަނަ ޕެރެގެރާފް ގައި ބަޔާންވެގެންވާ ފަދައިން، ޓަގު ބޯޓު ބަނުމަށް ދެފަރާތް ދެމެދު ވެފައިވާ އެއްބަސްވުމަށް 4 (ހަތަރެއް) ފަހަރު އިސްލާހެއް ގެނެސް، ދެފަރާތުން އެ 4 (ހަތަރެއް) އެމެންޑްމަންޓުގައި ސޮއިކޮށްފައިވާއިރު، ޓަގު ބޯޓު ބަނުމުގެ މަރްޙަލާގައި އެ ބޯޓު ބެލެހެއްޓުމުގެ ޚަރަދު އެމް.ޕީ.އެލް އިން ދިނުމަށް އެއްބަސްވުމަށް އިތުރު އިސްލާޙެއް ގެނެސް ދެފަރާތުން ސޮއި ކުރުމުގެ ބަދަލުގައި، އެހާބޮޑު ޚަރަދަކަށް ޒިންމާވުމަށް ކުންފުނީގެ މުވައްޒަފަކު ފޮނުވާ ސިޓީއަކުން އެއްބަސްވުމެއް އުފަންކުރުމުގެ ނިޔަތް އެމް.ޕީ.އެލް ގެ އޮވެދާނެ ކަމާމެދު ސުވާލު އުފެދޭކަމެވެ.

19.3. ބޯޓު ބަނުމުގެ މަސައްކަތް ހުއްޓާލާފައިވަނީ ބޯޓު ބަނުމުގެ ޒިންމާ އުފުލާ ސެންޓަރ އެންޓަރޕްރައިސަސް އިން ކަމާއި، ސަބަބަކީ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ އެންގުންތައް ކަމަށް އެ ފަރާތުން ބުނާއިރު، އިސްވެ ބަޔާންވެދިޔަ 17 އަދި 18 ވަނަ ޕެރެގްރާފްގައި ބަޔާންވެގެންވާ ފަދައިން، މަސައްކަތް ހުއްޓާލަން ކޮމިޝަނުން އަންގާފައި ނުވާކަމާއި، ކޮމިޝަނުގެ އެންގުމަކީ ޤާނޫނީ ޒިންމާ އަދާކުރުމަށްޓަކައި ހެޔޮނިޔަތުގައި އަންގާފައި އޮތް އެންގުމެއް ކަމަށް ކަނޑައަޅައި ސިވިލް ކޯޓުން ނިންމި ނިންމުމަށް ހައިކޯޓުން ތާއީދުކޮށް، އެ ނިންމުން ނިހާއީ ޙުކުމަކަށް ވެފައިވާއިރު، މަސައްކަތް ހުއްޓާލުމަށް ސެންޓަރ އެންޓަރޕްރައިސަސް އިން ބުނާ ސަބަބު ވުޖޫދުގައި ނެތްކަމަށް ބަލަންޖެހޭއިރު، އެ ސަބަބުގެ މައްޗަށް ބިނާކޮށް މަސައްކަތް ހުއްޓިފައިވާކަމަށް ބުނެ، އެ މުއްދަތުގައި ބޯޓު ބެލެހެއްޓުމުގެ ޚަރަދު އެމް.ޕީ.އެލް އިން ދިނުމަށް އެ ތަނުގެ މުވައްޒަފަކު ފޮނުވި ސިޓީއަކުން އެއްބަސްވުމެއް ވުޖޫދުވެފައިވާކަމަށް ބުނާ ބުނުމަކީ ހަމަޖެހޭކަމެއް ކަމަށް ނުބެލެވޭކަމެވެ.

19.4. ޓަގު ބޯޓު ބަންނަ މަރްޙަލާގައި ބޯޓު ބެލެހެއްޓުމުގެ ޚަރަދު ދިނުމަށް އެމް.ޕީ.އެލް އިން އެއްބަސްވެފައި ނުވާނެ ކަމަށާއި، އެފަދަ އިލްތިޒާމެއް އުފެދިދާނެފަދަ ބަނދެވުމެއް އުފަންކުރުމުގެ ނިޔަތެއް އެމް.ޕީ.އެލް ގެ ނެތްކަމަށް ބުނެ އެކަން ސާބިތު ކުރުމަށް އެމް.ޕީ.އެލް އިން ދަށު ކޯޓުގެ މަރުޙަލާގައި 5 ހެކިން ހުށަހެޅިކަން ސިވިލް ކޯޓުގެ މަޙްޟަރު ބަޔާންތަކުން އެނގެންއޮތް ކަމާއި، އެ ހެކިންގެ ހެކިބަސް ދަށު ކޯޓުގައި ނަގާފައިނުވާއިރު، އެމް.ޕީ.އެލްގެ މުވައްޒަފަކު ފޮނުވި ސިޓީއަކުން އެފަދަ ބޮޑު އިލްތިޒާމެއް އެމް.ޕީ.އެލްގެ މައްޗަށް އުފަންވާގޮތަށް އެބަސްވުމެއް ވުޖޫދުވެފައި ވާކަމަށް ބެލެވޭނެ ތަނެއް ނެތްކަން ފާހަގަކުރެވެއެވެ.

20އިސްވެ ބަޔާންވެދިޔަ ކަންކަމަށް ބަލާއިރު، ޓަގު ބޯޓު ބަނުމުގެ އެއްބަސްވުމުގެ އިތުރުން، ޓަގު ބޯޓު ބަންނަ މަރްޙަލާގައި ބޯޓު ބެލެހެއްޓުމުގެ ޚަރަދު އެމް.ޕީ.އެލް އިން ދިނުމަށް އެއްބަސްވުމެއް ވުޖޫދު ވެފައިވާ ކަމަށް ބެލެވޭނެ ތަނެއް ނެތް ކަމަށް އަހުރެން ދެކެމެވެ. ބޯޓު ބަނދެ ނިމެންދެން ބޯޓު ބެލެހެއްޓުމުގެ ޒިންމާ އުފުލަންޖެހޭ ފަރާތަކީ ކޮބައިކަން

21HN1ކުރިއަށް އަގުދީގެން ފަހުން މުދާލިބިގަންނަ ގޮތަށް ހިންގާ ގަނެވިއްކުމުގެ މުޢާމަލާތްތަކުގައި ގަންނަ ފަރާތަށް މުދާ ލިބުމުގެ ކުރިން މުދާ ބެލެހެއްޓުމުގެ ޒިންމާ އުފުލަންޖެހޭ ފަރާތާމެދު، ޤާނޫނު ނަންބަރު 12/2020 (މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތް ކުރުމުގެ ޤާނޫނު) ގައި ވެސް އަދި ރާއްޖޭގައި މި ކަމާއި ގުޅުންހުރި އެހެން ޤާނޫނެއްގައި ވެސް އެއްވެސް ވާހަކައެއް ބަޔާންވެފައި ނުވެއެވެ. މި ޙާލަތުގައި ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގައި ބަޔާންވެގެންވާ ގޮތުން އިސްލާމީ ޝަރީޢަތުގައި މިކަން ކަނޑައެޅިފައިވާ ގޮތަށް ރިޢާޔަތް ކުރަންޖެހެއެވެ.

22HN2އިސްލާމީ ޝަރީޢަތުގައި ގަނެވިއްކުމުގެ މުޢާމަލާތުގައި، ވިއްކާ ފަރާތުގެ ޙިޔާޒަތުގައި މުދާ ހުއްޓާ އެއަށްވާ ގެއްލުމަށް ގަންނަ ފަރާތުން ޒިންމާވާން ޖެހޭނީ ގަންނަ ފަރާތަށް މުދަލާއި ޙަވާލުވުމަށް އަންގައި އެ ފަރާތުން މުދަލާއި ޙަވާލުވުމުގައި ފަރުވާ ކުޑަކޮށް މުދަލާއި ޙަވާލުނުވެ އޮންނަ ޙާލަތުގައެވެ. ދެފަރާތުން އެހެން ގޮތަކަށް އެއްބަސްވެފައި ނުވާނަމަ، ވިއްކާ ފަރާތުގެ ޙިޔާޒަތުގައި މުދާ އޮންނަ ޙާލަތުގައި މުދަލަށް ޒިންމާވާނީ ވިއްކާ ފަރާތުންނެވެ.

23މި މައްސަލައިގައި ވިއްކާ ފަރާތް ނުވަތަ މުދާ އުފައްދާ ފަރާތަކީ ސެންޓަރ އެންޓަރޕްރައިސަސްއެވެ. މުދާ ގަންނަ ފަރާތަކީ އެމް.ޕީ.އެލް އެވެ. މުދަލަކީ ޓަގު ބޯޓެވެ. އަގަކީ -/39,986,205 ރ. (ތިރީސް ނުވަ މިލިޔަން ނުވަލައްކަ އަށްޑިހަ ހައެއް ހާސް ދުއިސައްތަ ފަހެއް ރުފިޔާ ފަންސާސް ހަލާރި) އެވެ. ޓަގު ބޯޓު ބަނދެ ނިންމައި ގަންނަ ފަރާތާއި ޙަވާލުކުރުމަށް އެއްބަސްވެފައިވާ މުއްދަތަކީ 18 ނޮވެންބަރު 2008 އިން ފެށިގެން 300 ދުވަހެވެ.

24ޓަގު ބޯޓު ބަންނަން ފެށިތާ 13 އަހަރު ފާއިތުވެ ދިޔައިރުވެސް ބޯޓު ބަނދެ ނިމިފައިނުވެއެވެ. ސެންޓަރ އެންޓަރޕްރައިސަސް އިން ޝަރީޢަތުގައި ބުނެފައިވަނީ ބޯޓުގެ %80 ބަނދެ ނިމިފައިވާ ކަމަށެވެ. އެއްބަސްވުމުގައި ވާގޮތުން އެމް.ޕީ.އެލް އާއި ބޯޓު ޙަވާލު ކުރެވޭނީ ބޯޓު ބަނދެ ނިމުމުންނެވެ.

25HN3ބޯޓުގެ ފަށަން އަޅައި ނިމުމާއެކު ބޯޓުވަނީ އެމް.ޕީ.އެލް ގެ ނަމުގައި ރަޖިސްޓްރީ ކޮށްފައެވެ. ސަބަބަކީ އެ ބޯޓަކީ އެމް.ޕީ.އެލް އިން އަގުދީގެން ބަންނަ ބޯޓަކަށްވާތީއެވެ. އެމް.ޕީ.އެލް ގެ ނަމުގައި ބޯޓު ރަޖިސްޓްރީ ވެފައި އޮތުމަކީ ބޯޓު ބަންނަ މަރުޙަލާގައި ބޯޑު ބެލެހެއްޓުމުގެ ޒިންމާ އެމް.ޕީ.އެލް އިން އުފުލަން ޖެހޭ ސަބަބެއް ނޫނެވެ. ޓަގު ބޯޓު ބަނދެ ނިމެންދެން ބޯޓު ބެލެހެއްޓުމަކީ ވިއްކާ ފަރާތުގެ ޙައިސިއްޔަތުން ސެންޓަރ އެންޓަރޕްރައިސަސްގެ ޒިންމާއެކެވެ.

26އިސްވެ ބަޔާންވެ ދިޔަ ކަންކަން އެގޮތަށް ހުރުމުން، ބޯޓު ބަންނަ މަރުޙަލާގައި ބޯޓު ބެލެހެއްޓުމުގެ ޒިންމާއަކީ ވިއްކާ ފަރާތުގެ ޙައިސިއްޔަތުން ސެންޓަރ އެންޓަރޕްރައިސަސްގެ ޒިންމާއެއްކަމާއި، އެކަމަށް ހިނގާ ޚަރަދަށް ޒިންމާވާންވާނީ ސެންޓަރ އެންޓަރޕްރައިސަސް އިން ކަމާއި، އެ ޚަރަދަށް އެމް.ޕީ.އެލް އިން ޒިމާވާންޖެހޭ ހަމައެއް ނެތްކަން ފާހަގަކުރެވެއެވެ.

އެހެނިހެން ކަންކަން

27ސެންޓަރ އެންޓަރޕްރައިސަސް އިން ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، ބޯޓު ބަނުމުގެ މަސައްކަތް އެ ފަރާތުން ކުރަނީ ތިންވަނަ ފަރާތަކާއި ޙަވާލުކޮށްގެން ކަމަށް ބުނެފައިވާކަން ފާހަގަކުރެވެއެވެ. ބޯޓުގެ މަސައްކަތް ހުއްޓިފައިވާތީ އެ މުއްދަތުގައި ބޯޑު ބެލެހެއްޓުމަށް ސެންޓަރ އެންޓަރޕްރައިސަސް އިން ފޯރުކޮށްދިން ޚިދުމަތުގެ އަގު ހޯދުމަށް ފޮނުވި އިންވޮއިސްތަކުގެ ޕްރިންސިޕަލް އަދަދާއި ޖީ.އެސް.ޓީ އާއި ޖޫރިމަނާއާއެކު، 42,770,054/71 (ސާޅީސްދެމިލިއަން ހަތްލައްކަ ހަތްދިހަހާސް ފަންސާސްހަތަރެއް ރުފިޔާ ހަތްދިހަ އެކެއް ލާރި) އެމް.ޕީ.އެލް އިން ސެންޓަރ އެންޓަރޕްރައިސަސް އަށް ދައްކަން ޖެހޭ ކަމަށް ސިވިލް ކޯޓުން ނިންމައި ހައިކޯޓުން ތާއީދު ކޮށްފައިވާއިރު، ބޯޓު ބަންނަންދާ ޚަރަދަށްވުރެ ބޮޑު ޢަދަދެއް، ބޯޓު ބެލެހެއްޓުމުގެ ޚަރަދަށް ދޭންޖެހޭ ކަމަށް ބުނާއިރު، މިހާބޮޑު ޚަރަދެއް ހިންގުމުގައި ސެންޓަރ އެންޓަރޕްރައިސަސް އިން ބޯޓު ބަލަހައްޓަން ކުރި ކަންތައްތަކަކީ ކޮބައި ކަމާއި، މި ޢަދަދު ހިސާބު ކުރީ ކޮން ގޮތަކަށްކަން ސިވިލް ކޯޓުން އަދި ހައިކޯޓުން ވެސް އެކަށީގެންވާ ގޮތެއްގައި ބަލާފައިވާކަން ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުންނާއި މަޙްޟަރު ބަޔާންތަކުން އެގެންނެތްކަން ފާހަގަކުރެވެއެވެ.

28މި މައްސަލައިގައި ސެންޓަރ އެންޓަރޕްރައިސަސް އިން ހޯދުމަށް އެދިފައިވާ 42,770,054/71 (ސާޅީސްދެމިލިއަން ހަތްލައްކަ ހަތްދިހަހާސް ފަންސާސްހަތަރެއް ރުފިޔާ ހަތްދިހަ އެކެއް ލާރި) އަކީ ބޯޑު ބެލެހެއްޓުމަށް ޚަރަދުވިކަމަށް އެފަރާތުން ބުނާ ފައިސާ ހޯދުމަށް ފޮނުވި އިންވޮއިސްގައިވާ ޕްރިންސިޕަލް އަދަދާއި ޖީ.އެސް.ޓީ އާއި ޖޫރިމަނާއާއެކު ޖުމްލަ އަދަދެވެ. ބޯޓު ބަނދެ ނިމިގެން އެމް.ޕީ.އެލް އާއި ހަވާލު ކޮށްފައި ނުވާއިރު، ބޯޓު ބެލެހެއްޓުމުގެ އެއްވެސް އިލްތިޒާމެއް އެމް.ޕީ.އެލް ގެ މައްޗަށް އަންނާނެ ޙާލަތެއް ނެތުމުން، ބޯޓު ބެލެހެއްޓުމުގެ ޚަރަދު ކަމަށް ސެންޓަރ އެންޓަރޕްރައިސަސް އިން ބުނާ ޚަރަދަކީ އެމް.ޕީ.އެލް އިން ޒިންމާވާން ޖެހޭ ޚަދަކަށް ނުވާއިރު، ޖޫރިމަނާގެ ވާހަކަ ދައްކާނެތަނެއް ނެތްކަން ފާހަގަކުރެވެއެވެ.

29އިސްވެ ބަޔާންވެ ދިޔަ ކަންކަން އެގޮތަށް ހުރުމުން، ޓަގު ބޯޓު ބަނުމުގެ އެއްބަސްވުމުގެ އިތުރުން، ޓަގު ބޯޓު ބަންނަ މަރްޙަލާގައި ބޯޓު ބެލެހެއްޓުމުގެ ޚަރަދު އެމް.ޕީ.އެލް އިން ދިނުމަށް އެއްބަސްވުމެއް ވުޖޫދު ކުރުމުގެ ނިޔަތް އެމް.ޕީ.އެލް ގެ ކިބައިގައި އޮތް ކަމަށް ބެލެވޭނެ ތަނެއް ނެތުމާއި، ބޯޓު ބަންނަ މަރުޙަލާގައި ބޯޓު ބެލެހެއްޓުމުގެ ޒިންމާއަކީ ވިއްކާ ފަރާތުގެ ޙައިސިއްޔަތުން ސެންޓަރ އެންޓަރޕްރައިސަސްގެ ޒިންމާއެއްކަމާއި، އެކަމަށް ހިނގޮތަށް ޚަރަދު ޒިންމާވާންވާނީ ސެންޓަރ އެންޓަރޕްރައިސަސް އިން ކަމާއި، އެ ޚަރަދަށް އެމް.ޕީ.އެލް އިން ޒިންމާވާންޖެހޭ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތުމުން، މިމައްސާލާގައި ހައިކޯޓާއި ސިވިލް ކޯޓުގެ ނިންމުމަށް ބަދަލު ގެންނަން ޖެހޭ ކަމަށް އަހުރެންނަށް ބުރަވެވެއެވެ.

ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު

30މި މައްސަލައިގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު

31މި މައްސަލައިގައި ދައުރުވާ ޤާނޫނީ ނުކުތާއަކީ، އެމް.ޕީ.އެލް އާއި ސެންޓަރ އެންޓަރޕްރައިސަސް އާ ދެމެދުގައި ޓަގު ބޯޓު ބެލެހެއްޓުމާގުޅޭ ގޮތުން އެއްބަސްވުމެއް ވެފައިވޭތޯ އާއި އަދި އެކަމާގުޅޭ ގޮތުން ސެންޓަރ އެންޓަރޕްރައިސަސްއިން އެމް.ޕީ.އެލްއަށް ފޮނުވާފައިވާ 02 (ދޭއް) އިންވޮއިސްއެއްގައިވާ ފައިސާއަކީ އެމް.ޕީ.އެލްއިން ސެންޓަރ އެންޓަރޕްރައިސަސްއަށް ދައްކަންޖެހޭ ފައިސާއެއްތޯ ކަނޑައެޅުމުގެ މައްޗަށެވެ.

32މި ދެފަރާތުގެ ދެމެދުގައިވާ ޚުސޫމަތު އުފަންވެފައިވަނީ ލިޔުމުންވެފައިވާ، ޓަގު ބޯޓު ބަނުމަށް ވެވުނު އެއްބަސްވުމެއްގެ ދަށުން ކަމަށްވެފައި މި ދެފަރާތުގެ ދެމެދުގައިވާ ޚުސޫމަތަށް ޙައްލެއް ހޯދުމަށްވެސް ރުޖޫޢަވާންޖެހޭނީ ހަމަ އެ އެއްބަސްވުމަށެވެ.

33ޓަގު ބޯޓު ބަނުމަށް ވެވުނު އެއްބަސްވުމުގެ ކޮންޓްރެކްޓުގެ އަގަކީ -/39,986,205 (ތިރީސް ނުވަ މިލިޔަން ނުވަލައްކަ އަށްޑިހަ ހަހާސް ދުއިސައްތަ ފަހެއް ރުފިޔާ ފަންސާސް ހަލާރި) އެވެ.

ފައިސާ ދެއްކުމާ ގުޅޭ މާއްދާ

34ޓަގު ބޯޓް ބަނުމަށް ވެވުނު އެއްބަސްވުން ހަތަރު ފަހަރެއްގެ މަތިން އިސްލާޙުކުރެވިފައިވާ ހިނދު، ފައިސާ ދެއްކުމާ ގުޅޭގޮތުން އެއްބަސްވެފައިވާ އަސާސީ މާއްދާއަކީ 04 (ހަތަރުވަނަ) އެމެންޑްމަންޓުގެ 02 ވަނަ މާއްދާއެވެ.

34.1. މި މާއްދާގެ (a) ގެ ނައްސައް ބަލާއިރު، މި އެއްބަސްވުމުގެ ދަށުން ސެންޓަރ އެންޓަރޕްރައިސަސްއިން ބަންނަ އުޅަނދުގެ 60 އިންސައްތަ މަސައްކަތް ފުރިހަމަކޮށް ޖީ.އެލް ސަރޓިފިކޭޓް އާއި، އެމް.ޕީ.އެލް ރިޕްރެޒެންޓޭޓިވް ރިޕޯޓް އާއި، ވޯކް ޝެޑިއުލް އަދި މެޝިންތަކާއި އިކުއިޕްމެންޓްތަކުގެ އަގު ލިސްޓް ސެންޓަރ އެންޓަރޕްރައިސަސްއިން ހުށަހެޅުމުން، އެއްބަސްވުމުގެ ހަތަރުވަނަ އިސްލާޙަށް ޢަމަލުކުރަން ފަށާއިރު ދޭ ފުރަތަމަ ޢަދަދުގެ ގޮތުގައި -12,991,723.34ރ. (ބާރު މިލިޔަން ނުވަލައްކަ ނުވަދިހަ އެއްހާސް ހަތްސަތޭކަ ތޭވީސް ރުފިޔާ ތިރީސް ހަތަރުލާރި) ސެންޓަރ އެންޓަރޕްރައިސަސްއަށް ދިނުމަށް އެމް.ޕީ.އެލްއިން އެއްބަސްވެފައިވާކަން އެނގެއެވެ. އަދި ފުރަތަމަ ޕޭމަންޓް ދެއްކިކަމުގެ ރަސީދު ސެންޓަރ އެންޓަރޕްރައިސަސްއަށް ލިބުމާއެކު ސެންޓަރ އެންޓަރޕްރައިސަސްއިން ހުށަހަޅާފައިވާ ވޯކް ޝެޑިއުލްއާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދަންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި މީގެ އިތުރުން އެއްވެސް ސަބަބަކާ ހުރެ މި އެއްބަސްވުމުގެ ކުރިން ދެފަރާތް ދެމެދު ޙައްލުކުރެވިފައިނުވާ އެއްވެސް މައްސަލައަކާ ހުރެ މި އެއްބަސްވުމުގެ ދަށުން ކުރަންޖެހޭ އެއްވެސް މަސައްކަތެއް ނުކޮށް ދޫކޮށްލުން ނުވަތަ ހުއްޓާނުލުން ނުވަތަ ލަސްނުކުރާނެ ކަމަށް ސެންޓަރ އެންޓަރޕްރައިސަސްއިން އެއްބަސްވެފައިވާކަން އެނގެއެވެ.

34.2. ހަމަ މި މާއްދާގެ (b) އަށް ބަލާއިރު، ބާކީ ފައިސާއަކީ -15,686,465.56ރ. (ފަނަރަ މިލިޔަން ހަލައްކަ އަށްޑިހަ ހަހާސް ހަތަރު ސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ ފަންސާސް ހަލާރި) އެވެ. އެންމެ ފަހުން ދައްކަންޖެހޭ ފައިސާ ފިޔަވައި މަސައްކަތް ކުރިއަށް ދާވަރަކުން 04 ވަނަ އެމެންޑްމަންޓުގެ ޖަދުވަލު 01 ގައިވާ ގޮތަށް އެމް.ޕީ.އެލްއިން ސެންޓަރ އެންޓަރޕްރައިސަސްއަށް ފައިސާ ދައްކަން ބަޔާންކޮށްފައިވެއެވެ. މިގޮތުން މި ފައިސާގެ ފުރަތަމަ ޕޭމަންޓަކީ ޓަގު ބޯޓުގެ ފަށަން ދަމާލައި، އޮނިގަނޑު ތައްޔާރުވުމުން -/2,820,000.00. (ދެމިލިޔަން އަށްލައްކަ ވިހިހާސް ރުފިޔާ) އަދި ދެވަނަ ޕޭމަންޓުގެ ގޮތުގައި ޓަގު ބޯޓުގައި އިންޖީނު އެޅުމާއެކު -/3,820,000.00. (ތިންމިލިޔަން އަށްލައްކަ ވިހިހާސް ރުފިޔާ) އެއަށްފަހު އެންމެ ފަހުގެ ޕޭމަންޓް އެއްބަސްވުމުގައިވާ ގޮތުގެމަތިން ޓަގު ބޯޓާ ޙަވާލުވުމަށްފަހު -/9,046,465.56. (ނުވަމިލިޔަން ސާޅީސް ހަހާސް ހަތަރު ސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ ފަންސާސް ހަލާރި) އެވެ.

34.3. މި މުޢާމަލާތާ ގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައިވާ ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑް މި ޤަޟިއްޔާގައި މުޅި ކޮންޓްރެކްޓުގެ އަގަކީ -/39,986,205.56. (ތިރީސް ނުވަމިލިޔަން ނުވަލައްކަ އަށްޑިހަ ހަހާސް ދުއިސައްތަ ފަހެއް ރުފިޔާ ފަންސާސް ހަލާރި) ކަމާއި، މި ފައިސާ ފިޔަވައި އިތުރު އެއްވެސް ފައިސާއެއް އެ މުޢާމަލާތާ ގުޅިގެން އެމް.ޕީ.އެލްއިން ސެންޓަރ އެންޓަރޕްރައިސަސްއަށް ދެއްކުމަށް އެއްބަސްވެފައިނުވާކަމަށް ބަޔާންކޮށްފައި އޮވެއެވެ. އަދި ކޮންޓްރެކްޓުގެ އަގުގެ ތެރެއިން މިހާތަނަށް އެމް.ޕީ.އެލްއިން ސެންޓަރ އެންޓަރޕްރައިސަސްއަށް ދައްކާފައިވާ ފައިސާގެ ޖުމްލަ ޢަދަދަކީ -/24,783,731.91. (ސައުވީސް މިލިޔަން ހަތްލައްކަ އަށްޑިހަ ތިންހާސް ހަތްސަތޭކަ އެއްތިރީސް ރުފިޔާ ނުވަދިހަ އެއްލާރި) އެނގެން އޮވެއެވެ.

އިންވޮއިސްގައިވާ ފައިސާ އާއި ޖޫރިމަނާ

35މި މައްސަލައިގައި ބަޔާންކުރާ ޓަގު ބޯޓު ބެލެހެއްޓުމުގެ ޚަރަދު ހޯދުމަށްޓަކައި، ސެންޓަރ އެންޓަރޕްރައިސަސްއިން އެމް.ޕީ.އެލްއަށް 02 (ދޭއް) އިންވޮއިސްއެއް ފޮނުވާފައިވާކަން އެނގެއެވެ.

35.1. ފުރަތަމަ އިންވޮއިސް ފޮނުވާފައިވަނީ 31 ޑިސެންބަރު 2013 ގައެވެ . މި އިންވޮއިސްގެ ތަފްސީލުގައިވަނީ މޭ 2013 އިން ޑިސެންބަރު 2013 އަށް ޕްރޮޖެކްޓު މޮނިޓަރ ކުރުމާއި ބެލެހެއްޓުމަށް ކަމަށް ބުނެ ޖީ.އެސް.ޓީ އާއެކު ޖުމްލަ -11,641,330.64ރ. (އެގާރަ މިލިޔަން ހަލައްކަ ސާޅީސް އެއްހާސް ތިންސަތޭކަ ތިރީސް ރުފިޔާ ފަސްދޮޅަސް ހަތަރު ލާރި) އެވެ. މި އިންވޮއިސްގެ ފައިސާ 07 (ހަތެއް) ދުވަހުގެ ތެރޭގައި ނުދައްކައި އޮވެ ހިނގާ ކޮންމެ މަހަކު 2% ނިސްބަތުން ޖޫރިމަނާ ކުރެވޭނޭކަމަށް ބަޔާންކޮށްފައިވާތީވެ 42 (ސާޅީސް ދޭއް) މަސް ދުވަހުގެ ޖޫރިމަނާގެ ގޮތުގައި -9,778,717.38ރ. (ނުވަ މިލިޔަން ހަތްލައްކަ ހަތްދިހަ އަށްހާސް ހަތްސަތޭކަ ސަތާރަ ރުފިޔާ ތިރީސް އަށެއް ލާރި) ހޯދުމަށް އެދިފައިވާކަން ސެންޓަރ އެންޓަރޕްރައިސަސްއިން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާއަށް ބެލުމުން އެނގެއެވެ.

35.2. ދެވަނަ އިންވޮއިސް ފޮނުވާފައިވަނީ އޭގެ 01 (އެކެއް) އަހަރު ފަހުން 31 ޑިސެންބަރު 2014 ގައެވެ. މި އިންވޮއިސްގައިވަނީ ޖަނަވަރީ 2014 އިން ޑިސެންބަރު 2014 ގެ ނިޔަލަށް ޕްރޮޖެކްޓް މޮނިޓަރ ކުރުމާއި ބެލެހެއްޓުމަށް ކަމަށްބުނެ ޖީ.އެސް.ޓީ އާއެކު ޖުމްލަ -13,343,754.62ރ. (ތޭރަ މިލިޔަން ތިންލައްކަ ސާޅީސް ތިންހާސް ހަތްސަތޭކަ ފަންސާސް ހަތަރު ރުފިޔާ ފަސްދޮޅަސް ދެލާރި) އެވެ. މި އިންވޮއިސްގެ ފައިސާ 07 (ހަތެއް) ދުވަހުގެ ތެރޭގައި ނުދައްކައި އޮވެ ހިނގާ ކޮންމެ މަހަކު 2% ނިސްބަތުން ޖޫރިމަނާ ކުރެވޭނޭކަމަށް ބަޔާންކޮށްފައިވާތީވެ 30 (ތިރީސް) މަސްދުވަހުގެ ޖޫރިމަނާ ފައިސާގެ ގޮތުގައި -8,006,252.07ރ. (އަށްލައްކަ ހަހާސް ދުއިސައްތަ ފަންސާސް ދެރުފިޔާ ހަތްލާރި) ހޯދުމަށް ހުށަހަޅާފައިވާ ކަން ސެންޓަރ އެންޓަރ ޕްރައިސަސްއިން ސިވިލް ކޯޓުގައި އުފުލި ދަޢުވާއަށް ބެލުމުން އެނގެއެވެ.

35.3. މި 02 (ދޭއް) އިންވޮއިސްގެ ތަފްސީލު ދިނުމަށްޓަކައި އެ 02 (ދޭއް) އިންވޮއިސް އާއެކު ހުށަހަޅާފައިވާ ސްޓޭޓްމަންޓައް ބަލައި، ޕްރޮޖެކްޓް މޮނިޓަރ ކުރުމާއި ބެލެހެއްޓުމަށްޓަކައި ސެންޓަރ އެންޓަރޕްރައިސަސްއިން ހޯދުމަށް އެދިފައިވާ ފައިސާގެ ތެރޭގައި ހިމެނެނީ، އެ ކުންފުނީގެ ޑިރެކްޓަރުންނާއި މުވައްޒަފުންނާއި އިންޖިނޭރުންނާއި އަދި މަސައްކަތު މީހުންގެ މުސާރަ އާއި، ފެނާއި ކަރަންޓާއި އަދި މި ނޫންވެސް އެހެނިހެން އިތުރު ޚަރަދުތަކާ ލޮޖިސްޓިކް ޚަރަދުތައް ހިމެނޭގޮތަށް ބަޔާންކޮށްފައިވާ ހިނދު، މިފަދަ ޚަރަދުތަކަކީ ޓަގު ބޯޓު ބަނުމަށް ވެވުނު އެއްބަސްވުމުގެ ދަށުން އެމް.ޕީ.އެލްއިން ސެންޓަރ އެންޓަރޕްރައިސަސްއަށް ދެއްކުމަށް އެއްބަސްވެފައިވާ ފައިސާއެއް ނޫންކަން އެނގެއެވެ.

35.4. މި 02 (ދޭއް) އިންވޮއިސްގައިވާ ޖުމްލަ ޢަދަދަކީ -24,985,085.26ރ. (ސައުވީސް މިލިޔަން ނުވަލައްކަ އަށްޑިހަ ފަހެއް ހާސް އަށްޑިހަ ފަހެއްރުފިޔާ ސައްބީސް ލާރި) އެވެ. އެ 02 (ދޭއް) އިންވޮއިސްގައިވާ ޖޫރިމަނާގެ ޢަދަދަކީ -17,784,969.45ރ. (ސަތާރަ މިލިޔަން ހަތްލައްކަ އަށްޑިހަ ހަތަރުހާސް ނުވަސަތޭކަ ފަސްދޮޅަސް ނުވަރުފިޔާ ސާޅީސް ފަސްލާރި) އެވެ. އެހެންކަމުން ސެންޓަރ އެންޓަރޕްރައިސަސްއިން ހޯދުމަށް އެދިފައިވާ ޖުމްލަ ފައިސާގެ ޢަދަދަކީ -42,770,054.71ރ. (ސާޅީސް ދެމިލިއަން ހަތްލައްކަ ހަތްދިހަހާސް ފަންސާސްހަތަރެއް ރުފިޔާ ހަތްދިހަ އެއްލާރި) އެވެ.

36އިސްވެ ބުނެވުނު ފައިސާ ހޯދުމަށްޓައި ސެންޓަރ އެންޓަރޕްރައިސަސްއިން ދައްކާފައިވާ މައިގަނޑު ޙުއްޖަތަކީ، އެމް.ޕީ.އެލް އާއި ސެންޓަރ އެންޓަރޕްރައިސަސްއާ ދެމެދުގައި ކުރެވިފައިވާ މުޢާމަލާތު ތަކެވެ. ސެންޓަރ އެންޓަރޕްރައިސަސް ދެކޭ ގޮތުގައި، 02 މޭ 2013 އާއި 05 ޖަނަވަރީ 2014 ގައި އެމް.ޕީ.އެލްއިން ސެންޓަރ އެންޓަރޕްރައިސަސްއަށް ފޮނުވާފައިވާ 02 (ދޭއް) ސިޓީ އެއްގައި ޓަގު ބޯޓު ބެލެހެއްޓުމަށް އެދުނު ކަމާއި، އެކަމަށް ހިނގާނެ ޚަރަދު އެމް.ޕީ.އެލްއިން ދޭން އެއްބަސްވެފައިވާ ކަމަށެވެ. ނަމަވެސް، މި (02) ދޭއް ސިޓީއަށް ބެލުމުން އެކަމާ ގުޅޭގޮތުން ވާހަކަ ދެކެވެމުން ދިޔަކަން ދޭހަވި ކަމުގައިވިޔަސް، ޓަގު ބޯޓު ބެލެހެއްޓުމަށް ކަމަށް ބުނެ އިތުރު ޚަރަދަކަށް އެމް.ޕީ.އެލްއިން އެއްބަސްވެ، ޓަގު ބޯޓު ބަނުމަށް ވެވުނު އެއްބަސްވުމަށް އިތުރު އިސްލާޙެއް (ފަސްވަނަ އިސްލާޙެއް) ނުވަތަ އެކަމާ ގުޅޭގޮތުން އެހެން ގޮތަކަށް ސެންޓަރ އެންޓަރޕްރައިސަސް އާއެކު އެއްބަސްވެފައިވާކަން ދޭހަ ނުވެއެވެ. އިސްވެ ބުނެވުނު 02 (ދޭއް) ސިޓީގައިވާ ކަންކަމުގެ މައްޗަށް ސިވިލް ކޯޓާއި އަދި ފަހުން ދިވެހިރާއްޖޭގެ ހައިކޯޓުގައިވެސް އެމް.ޕީ.އެލްއިން ސުވާލު އުފައްދައި އިންކާރުކޮށްފައިވާކަން އެނގެއެވެ.

37އެހެންކަމުން، ސެންޓަރ އެންޓަރޕްރައިސަސްއިން ހޯދުމަށް އެދިފައިވާ ފައިސާއަކީ ދެފަރާތުން އެއްބަސްވެފައިވާ ފައިސާއެއް ނޫނެވެ. އެއްބަސްވެފައިނުވާ ފައިސާއެއް ނުދައްކައިގެން އެ މައްޗަށް ނަގައިދެވިދާނެ ޖޫރިމަނާއެއް އޮންނާނެ ކަމަކަށް އަހުރެން ނުދެކެމެވެ.

38އަދި ބަހުސްގެ ބޭނުމަށްޓަކައި، މިސާލަކަށް ސެންޓަރ އެންޓަރޕްރައިސަސްއިން ފޮނުވާފައިވާ އިންވޮއިސްގައިވާ ޖޫރިމަނާއާ ގުޅޭ ޝަރުޠުތަކަކީ، ޤާނޫނުގައިވާ ގޮތުގެމަތިން އެއްބަސްވުމުގެ ބައެއްގެ ގޮތުގައި ދެފަރާތުން ބަލައިގަނެ އެއްބަސްވުމަށް އިތުރުކޮށްފައިވާ ބައެއް ކަމުގައި ބަލައިފިހިނދަކު ވެސް ޝަރުޢު ޖަޒާއީއާ ގުޅޭގޮތުން މިހާރު ޢަމަލުކުރަމުންދާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޙަސަން ޢަލީމަނިކު ވ. އަޙްމަދު ޖަނާޙް ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކަށް ބަލައި، އިންވޮއިސްގައިވާ ފައިސާ 07 (ހަތެއް) ދުވަހުގެ ތެރޭގައި ދައްކަން އަންގާފައިވާ ކަމާއި، އަދި މި މުއްދަތުގައި ފައިސާ ނުދައްކައިފިނަމަ، ކޮންމެ މަހަކު %2 ޖޫރިމަނާ އަރާނެކަން ބަޔާންކުރާ ޖަޒާއީ ޝަރުޢު ތަންފީޒު ކުރެވިދާނެ ކަމަކަށް އަހުރެން ނުދެކެމެވެ.

39ބަޔާންވެ ދިޔަ ކަންކަމުގެ އަލީގައި މި މައްސަލައިގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ނިންމުމަށް އަހުރެން ތާއީދު ކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންވެދިޔަ ނުކުތާތަކުގައި ބަޔާން ކުރެވުނު ސަބަބުތައް އެފަދައިން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/180 ޤަޝިއްޔާ އިން ޙުކުމްކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ކަމަށް ނުވާތީ، މި މައްސަލަ ބެލި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/180 ޤަޝިއްޔާއާއި ސިވިލް ކޯޓުގެ ނަންބަރު 2567/Cv-C/2017 ޤަޝިއްޔާގެ ޙުކުމް ބާޠިލު ކޮށްފީމެވެ. މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ: (ރިޔާސަތު)

ފުޓްނޯޓު

  1. ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުގެ ނަންބަރު 2013/CEN/MPL-07 (31 ޑިސެންބަރު 2013) ޓެކްސް ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުގެ ނަންބަރު 2013/CEN/MPL-08 (31 ޑިސެންބަރު 2014) ޓެކްސް އިންވޮއިސް
  2. އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ނަންބަރު 123-B/113/2012/07 (13 މޭ 2012) ސިޓީ އާއި، އެ ކޮމިޝަންގެ ނަންބަރު 123-B/MIS/2012/441 (15 އޮގަސްޓު 2012) ސިޓީ އާއި އެ ކޮމިޝަނުގެ ނަންބަރު 123-B/MIS/2012/439 (15 އޮގަސްޓު 2012)
  3. އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ނަންބަރު 123-C/113/2015/12 (12 ނޮވެންބަރު 2015) ސިޓީ.
  4. ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުގެ ނަންބަރު CEN/MPL-07/2013 (31 ޑިސެންބަރު 2013) ޓެކްސް އިންޕޮޕީސް އާއި ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުގެ ނަންބަރު 2013/CEN/MPL-08 (31 ޑިސެންބަރު 2014) ޓެކްސް އިންޕޮއީސް
  5. ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުގެ ނަންބަރު CEN/MPL-07/2013 (31 ޑިސެންބަރު 2013) ޓެކްސް އިންޕޮއީސް
  6. ޤާނޫނު ނަންބަރު 4/91
  7. ސިވިލް ކޯޓުގެ ނަންބަރު 832/CV-C/2013 ޤަޝިއްޔާ
  8. ހައިކޯޓުގެ ނަންބަރު 2016/HC-A/21 ޤަޝިއްޔާ
  9. ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/14 ޤަޝިއްޔާ
  10. دبيان بن محمد الدبيان، المعاملات المالية أصالة ومعاصرة، الطبعة: الثانية، ١٤٣٢ هـ، ج:3، ص:145
  11. ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުގެ ނަންބަރު 2013/CEN/MPL-07 31 ޑިސެންބަރު 2013) ޓެކްސް
  12. ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުގެ ނަންބަރު 2013/CEN/MPL-08 31 ޑިސެންބަރު 2014) ޓެކްސް އިންވޮއިސް.
  13. މޯލްޑިވްސް ޕޯޓްސް ލިމިޖެޑުގެ ނަންބަރު 113/DCEO/MISC/2013/110 (02 މޭ 2013) ސިޓީ.
  14. މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ ނަންބަރު 113/DCEO/MISC/2014/541 (05 ޖަނަވަރީ 2014) ސިޓީ. [2021] SC 5021
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ