ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
2019/SC-A/14
ޝަރީޢަތް ނިމުނުގޮތް
ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންނިމުނު ތާރީޚު
10 ނޮވެންބަރު 2021އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ
2017/HC-A/135
އިސްތިއުނާފު ރައްދުވާ ފަރާތް
އިސްތިއުނާފުކުރާ ފަރާތް
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް
ބަދަލުގައި: މުޙައްމަދު ޙިލްމީ
ބަދަލުގައި: މުޙައްމަދު ފައިސަލް
މަދަނީ –އެއްބަސްވުމާ ޚިލާފުވުން – ޖޫރިމަނާ ފައިސާ – ޖަޒާއީ ޝަރުޠު (Penalty Clause) – އެއްބަސްވުމާ ޚިލާފުވެއްޖެނަމަ ނަގައިދެވޭނެކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ބަދަލު (Liquidated Damages)
ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް (ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު އަދި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ތާއީދު ކުރައްވާފައި)
ތަޢާރުފު
މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/135 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް (ކުންފުނި ރަޖިސްޓްރޭޝަން ނަންބަރު C-292/2006) (މީގެ ފަހުން "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "ސެންޓަރ އެންޓަރޕްރައިސަސް" މިހެން އިޝާރާތް ކޮށްފައިވާ) ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން މި ކޯޓުގެ ނަންބަރު 2019/SC-A/14 ޤަޟިއްޔާއިން ބެލި އިސްތިއުނާފީ މައްސަލައެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ކުންފުނި ރަޖިސްޓްރީ ނަންބަރު C-846/2008) (މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ އެމް.ޕީ.އެލް މިހެން އިޝާރާތް ކޮށްފައިވާ) ގެ މައްޗަށެވެ.
މައްސަލައިގެ ފަސްފަހަތް
ސެންޓަރ އެންޓަރޕްރައިސަސް އާއި އެމް.ޕީ.އެލް އާ ދެމެދު ކ. ތިލަފުށީގައި 17 (ސަތާރަ) ޓަނުގެ ބޮލާޑް ޕުލް ޓަގު ބޯޓެއް ("މީގެ ފަހުން "ޓަގު ބޯޓް" މިހެން އިޝާރާތް ކޮށްފައިވާ) ބަނދެ ސަޕްލައި ކުރުމަށް 18 ނޮވެންބަރު 2008 ގައި ވެވުނު އެއްބަސްވުމުގެ ދަށުން ސެންޓަރ އެންޓަރޕްރައިސަސްއިން މަސައްކަތް ކުރަމުން ދަނިކޮށް 17 ޖަނަވަރީ 2012 ގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުން މަސައްކަތް ހުއްޓުވާފައިވާތީވެ ކަމަށް ބުނެ، 2011 ވަނަ އަހަރުގެ ޖުލައި މަހުން 2012 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ނިޔަލަށް، އެކަމަށް ހިނގި އައިޑަލް ޓައިމް ޗާޖްއަށް ލިބެންޖެހޭ 13,915,991.83/-ރ. (ތޭރަ މިލިޔަން ނުވަލައްކަ ފަނަރަހާސް ނުވަސަތޭކަ ނުވަދިހަ އެކެއް ރުފިޔާ އަށްޑިހަ ތިންލާރި) އާއި ޖީ.އެސް.ޓީގެ ގޮތުގައި 834,959.51/-ރ. (އަށްލައްކަ ތިރީސް ހަތަރުހާސް ނުވަ ސަތޭކަ ފަންސާސް ނުވައެއް ރުފިޔާ ފަންސާސް އެކެއް ލާރި) އާއެކު 14,750,951.34/-ރ. (ސާދަ މިލިޔަން ހަތްލައްކަ ފަންސާސްހާސް ނުވަސަތޭކަ ފަންސާސް އެކެއް ރުފިޔާ ތިރީސް ހަތަރު ލާރި) ހޯދުމަށް ސެންޓަރ އެންޓަރޕްރައިސަސްގެ ނަންބަރުCEN/MPL-06/2012 އިންވޮއިސް ("އިންވޮއިސް") 02 ސެޕްޓެންބަރު 2012 ގައި އެމް.ޕީ.އެލްއަށް ފޮނުވާފައިވެއެވެ.
އިންވޮއިސްގައި ބަޔާންކޮށްފައިވަނީ އިންވޮއިސްގައިވާ ތާރީޚުން ފެށިގެން 70 (ހަތެއް) ދުވަސް ތެރޭގައި ފައިސާ ނުދައްކައި އޮވެ ހިނގާ ކޮންމެ މަހަކު އިންވޮއިސް ގައިވާ ޖުމްލަ ޢަދަދުގެ %1.6 (އެކެއް ޕޮއިންޓް ހައެއް އިންސައްތަ) ޖޫރިމަނާ ގޮތުގައި ނެގޭނެ ކަމުގައެވެ.
އިންވޮއިސްގައިވާ 14,750,951.34/-ރ. (ސާދަ މިލިޔަން ހަތްލައްކަ ފަންސާސްހާސް ނުވަސަތޭކަ ފަންސާސް އެކެއް ރުފިޔާ ތިރީސް ހަތަރު ލާރި) އާއި އެ އިންވޮއިސްގައިވާ ގޮތުގެމަތިން 27 (ހަތާވީސް) މަސްދުވަހުގެ ޖޫރިމަނާއަށް އަރާ 6,372,410.97/-ރ. (ހަމިލިޔަން ތިންލައްކަ ހަތްދިހަ ދެހާސް ހަތަރުސަތޭކަ ދިހަ ރުފިޔާ ނުވަދިހަ ހަތްލާރި) އާއެކު ޖުމްލަ 21,123,362.31/-ރ. (އެކާވީސް މިލިޔަން އެއްލައްކަ ތޭވީސްހާސް ތިންސަތޭކަ ފަސްދޮޅަސް ދެރުފިޔާ އެއްތިރީސް ލާރި) ހޯދުމަށް އެދި ސެންޓަރ އެންޓަރޕްރައިސަސްގެ ފަރާތުން އެމް.ޕީ.އެލްގެ މައްޗަށް ސިވިލް ކޯޓުގައި 03 މާރިޗު 2016 ގައި ދަޢުވާކުރިއެވެ.
މި މައްސަލަ ސިވިލް ކޯޓުގައި ހިންގައި ޙުކުމް ކޮށްފައިވަނީ އެ ކޯޓުގެ ނަންބަރު 447/Cv-C/2016 ޤަޟިއްޔާއިން 26 ޑިސެންބަރު 2016 ގައެވެ. އެ ޙުކުމުގައި ބުނެފައިވަނީ 21,123,362.31/-ރ. (އެކާވީސް މިލިޔަން އެއްލައްކަ ތޭވީސްހާސް ތިންސަތޭކަ ފަސްދޮޅަސް ދެރުފިޔާ އެއްތިރީސް ލާރި) އަކީ އެމް.ޕީ.އެލްއިން ސެންޓަރ އެންޓަރޕްރައިސަސްއަށް ދައްކަން ޖެހި ނުދައްކާވާ ފައިސާއެއް ކަމަށް ކަނޑައަޅައި، އެ ފައިސާ 26 ޑިސެންބަރު 2016 އިން ފެށިގެން 06 (ހައެއް) މަސްދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދެއްކުމަށް އެމް.ޕީ.އެލްއަށް އަންގައެވެ.
މި މައްސަލަ ސިވިލް ކޯޓުން ނިމުމާ ވިދިގެން އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމަށްޓަކައި އެމް.ޕީ.އެލްއިން 23 ފެބުރުވަރީ 2017 ގައި ހުށަހެޅިއެވެ. މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ހިންގައި16 އޮގަސްޓު 2018 ގައި ޙުކުމްކޮށްފައި ވަނީ އެ ކޯޓުގެ ނަންބަރު 2017/HC-A/135 ޤަޟިއްޔާ އިންނެވެ.
އެމް.ޕީ.އެލްއިން މި މައްސަލަ އިސްތިއުނާފު ކުރުމަށްޓަކައި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅީ މައިގަނޑު 02 (ދޭއް) ނުކުތާއެވެ. އެއީ، އިންވޮއިސްގައިވާ ފައިސާއަކީ އެމް.ޕީ.އެލްއިން ސެންޓަރ އެންޓަރޕްރައިސަސްއަށް ދައްކަންޖެހޭ ފައިސާއެއް ކަމަށް ނުވާތީވެ، އެ އިންވޮއިސް ރައްދުކުރުމަށް މަސައްކަތްކޮށްފައިވާކަން ހެކިންގެ ހެކިބަހުން އެނގޭހިނދު އެކަމަށް ރިޢާޔަތްނުކޮށް މައްސަލަ ނިންމާފައިވުމާއި އަދި އެގްރީމެންޓުގައި ބުނާ މުއްދަތުގައި ސެންޓަރ އެންޓަރޕްރައިސަސްއިން މަސައްކަތް ނިންމާފައި ނުވާހިނދު ދައްކަންޖެހޭނެ އިތުރު ފައިސާއެއް ނޯންނާނެ ކަމަށް ދެކި ފާހަގަކުރި ނުކުތާއެވެ.
ބަޔާންވެދިޔަ 02 (ދޭއް) ނުކުތާގެ މައްޗަށް ނަޒަރުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލަ ނިންމާފައިވަނީ ސިވިލް ކޯޓުގެ ޙުކުމް ބާޠިލުކޮށެވެ. އަދި އެގޮތަށް ނިންމުމުގައި އެ ކޯޓުން ރިޢާޔަތްކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި، އެމް.ޕީ.އެލްއިން ފައިސާ ދެއްކުމަށް އިންކާރުކޮށްފައި ވުމާއި، ސެންޓަރ އެންޓަރ އެންޓަރޕްރައިސަސްއިން އެއްބަސްވުމާ އެއްގޮތަށް މަސައްކަތްކޮށްފައި ނުވުމާއި، އަދި ކުރިއަށްއޮތް ތަނުގައިވެސް އެ ކުންފުންޏަށް އެކަން ކުރެވިދާނެކަމުގެ އިޙްތިމާލު ނެތަތީވެ މަސައްކަތްކުރާ ވަރަކުން، އެ މަސައްކަތެއް ބެލުމަށްފަހު ކޮންސަލްޓަންޓް އެޕްރޫވު ކުރުމުން ނޫނީ ފައިސާ ނުދެއްކުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން އެމް.ޕީ.އެލްއަށް އަންގާފައި އޮތްކަން އެނގިހުރެ، މަސައްކަތް ހުއްޓިފައި އޮވެ ދަޢުވާއެއް ކުރެވޭއިރު ގެއްލުންވާ ފަރާތެއްގެ ހައިސިއްޔަތުން ގެއްލުން ކުޑަކުރުމަށް ސެންޓަރ އެންޓަރޕްރައިސަސްއިން އެއްވެސް މަސައްކަތެއް ކޮށްފައިވާކަން އެނގެން ނެތަތީވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލައިގައި ޙުކުމްކުރުމާ ވިދިގެން އެ މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ސެންޓަރ އެންޓަރޕްރައިސަސްގެ ފަރާތުން އިސްތިއުނާފު ކުރިއެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ކުރެވުނު އިސްތިއުނާފު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/135 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމަށް ބުނެ މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށްޓަކައި ސެންޓަރ އެންޓަރޕްރައިސަސްގެ ފަރާތުން ތިރީގައިވާ 06 (ހައެއް) ނުކުތާ ހުށަހެޅިއެވެ.
ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި ޚިލާފަށް ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާ.
ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އަދި ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރާއި ޚިލާފަށް ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާ.
ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 33 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
ސިވިލް ކޯޓުގެ ނަންބަރު 447/Cv-C/2016ޤަޟިއްޔާ އެމް.ޕީ.އެލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާއާ އެއްގޮތަށް ނޫންކަމަށް ބުނެ ހުށަހެޅި ނުކުތާ.
ސިވިލް ކޯޓުގެ ނަންބަރު 447/Cv-C/2016 ޤަޟިއްޔާގައި އެ ކޯޓުން ކޮށްފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކޮށްފައިވާ ޙުކުމެއް ކަމަށް ބުނެ އެމް.ޕީ.އެލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި ނުކުތާތަކުގެ މައްޗަށް ބިނާކޮށް އެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މައްސަލަ ބެލި ފަނޑިޔާރުން ފާހަގަކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް ދެކިގެން ހުށަހެޅި ނުކުތާ.
ބަޔާންވެދިޔަ ނުކުތާތަކުގެ ތަފްސީލަށް ބަލާއިރު އިސްތިއުނާފުކުރާ ފަރާތުން ޖުމްލަ ގޮތެއްގައި ހުށަހަޅާފައިވާ ޤާނޫނީ ނުކުތާއަކީ އިސްތިއުނާފުކުރާ ފަރާތުން އެމް.ޕީ.އެލްއަށް ފޮނުވި އިންވޮއިސްގައިވާ ފައިސާއަކީ ސިވިލް ކޯޓުގެ ޙުކުމުގައިވާ ގޮތުގެމަތިން ނަގައިދޭންޖެހޭނެ ފައިސާއެއް ކަމަށާއި، އެ ފައިސާ ނަގައިނުދެވޭނެ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫން ކަމަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލަ ނިންމުމުގައި އެ ކޯޓަށް މައްސަލައެއް އިސްތިއުނާފުކުރެވޭ ހިނދު، ޢަމަލުކުރަންޖެހޭ ޝަރީޢަތްކުރުމުގެ އުޞޫލުތަކާއި ހަމަތަކާ ޚިލާފުވެފައިވާ ކަމަށް ބުނެ ފާހަގަކޮށްފައިވާ ސަބަބުތަކެވެ. މިގޮތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިފައިވާ މައްސަލައާ ގުޅުންހުރި އެ ކޯޓުން ކުރިން ނިންމާފައިވާ މައްސަލަތަކާއި މަތީ މަރުޙަލާގެ ކޯޓުން ނިންމާފައިވާ މައްސަލަތަކަށް ޙަވާލާނުދީ އެ މައްސަލަ ނިންމާފައިވާ ކަމަށް ބުނެ އެ ކަންކަން ފާހަގަކުރުމާއެކު ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފަށް ހުށަހެޅޭ މައްސަލައެއް ބެލުމުގައި ޢަމަލުކުރަންޖެހޭނީ ދަށު ކޯޓަށް ހުށަހެޅުނު ވާޤިޢާތަކުގެ މައްޗަށް ކަމަށާއި، އަދި އިސްތިއުނާފު ކުރުމަށް ހުށަހެޅޭ ކަންކަން ފިޔަވައި އިތުރުކަމެއް ހުށަހެޅިއްޖެނަމަ، އެކަމެއް ދިވެހިރާއްޖޭގެ ހައިކޯޓުން އިސްވެ އެފަދަ ކަންކަން ބަލައި ނުގަތުމަށް ނިންމަންޖެހޭނެ ކަމަށް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައި ވެއެވެ.
އިސްތިއުނާފު ރައްދުވާ ފަރާތުގެ ޖަވާބު ބިނާކޮށްފައިވާ އަސާސަކީ އަދި އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ޤަޟިއްޔާ ނިންމުމުގެ އަސާސަކީވެސް މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި އެމް.ޕީ.އެލްގެ ފަރާތުން އިންވޮއިސްގައިވާ ޖޫރިމަނާ ފައިސާ ދޫކޮށްފައި ނުވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ އެންގުމެއް އޮތުމާއި އަދި އެ ޖޫރިމަނާ ފައިސާއަކީ އެ ކުންފުނިން ދައްކަންޖެހޭ ފައިސާއެއް ކަމަށް ގަބޫލުކުރާ އެއްޗަކަށް ނުވާތީ ކަމަށް ބުނާ ބުނުމެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ ނުކުތާ
މި މައްސަލަ އިސްތިއުނާފު ކުރުމަށްޓަކައި ސެންޓަރ އެންޓަރޕްރައިސަސްއިން ހުށަހަޅާފައިވާ ނުކުތާތަކާއި، އަދި އެ ނުކުތާތައް ތަފްސީލު ކުރަމުން ދީފައިވާ ސަބަބުތަކާއި އަދި އެމް.ޕީ.އެލްއިން ޖަވާބުގައި ޖުމްލަ ގޮތެއްގައި ފާހަގަކޮށްފައިވާ ކަންކަމަށް ނަޒަރުކުރާއިރު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ ކުރިމަތީގައި އޮތް ޚުސޫމަތު ދައުރުވާ ނުކުތާއަކީ، ސެންޓަރ އެންޓަރޕްރައިސަސްއިން ފޮނުވާފައިވާ އިންވޮއިސް ގައިވާ ފައިސާ އާއި އަދި އެ ފައިސާ ނުދެއްކުމުން އަރާފައިވާ ކަމަށް ބުނާ ޖޫރިމަނާއަކީ އެމް.ޕީ.އެލްއިން ސެންޓަރ އެންޓަރޕްރައިސަސްއަށް ދައްކަންޖެހޭ ފައިސާއެއްތޯގެ މައްޗަށެވެ.
މި ދެފަރާތުގެ ދެމެދުގައިވާ ޚުސޫމަތު އުފަންވެފައިވަނީ ލިޔުމުންވެފައިވާ އެއްބަސްވުމެއްގެ ދަށުން ކަމަށް ވެފައި މި ދެފަރާތުގެ ދެމެދުގައިވާ ޚުސޫމަތަށް ޙައްލެއް ހޯދުމަށްވެސް ރުޖޫޢަވާންޖެހޭނީ ހަމަ އެއްބަސްވުމަށް ކަމުގައިވާތީވެ، އެންމެ ފުރަތަމަ އެއްބަސްވުމަށް ބަލާލުމަށްފަހު، އެއްބަސްވުމުގެ ދަށުން އިންވޮއިސްގައިވާ ފައިސާއަކީ އެމް.ޕީ.އެލްއިން ސެންޓަރ އެންޓަރޕްރައިސަސްއަށް ދައްކަންޖެހޭ ފައިސާއެއްތޯ ބެލުމަށްޓަކައި އަންނަނިވި ކަންކަން ވިދިގެން އަންނަ ފޮޅުވަތްތަކުގައި ފާހަގަކުރަމެވެ.
އެއްބަސްވުން
ސެންޓަރ އެންޓަރޕްރައިސަސް އާއި އެމް.ޕީ.އެލް އާ ދެމެދު 18 ނޮވެންބަރު 2008 ގައި 17 (ސަތާރަ) ޓަނުގެ ޓަގު ބޯޓެއް ގަތުމަށްޓަކައި އެއްބަސްވުމެއް ("އެއްބަސްވުން") ގައި ސޮއިކުރިއެވެ. މި އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ ބޯޓުގެ އަގަކީ 39,986,205.56/-ރ. (ތިރީސް ނުވަ މިލިޔަން ނުވަލައްކަ އަށްޑިހަ ހަހާސް ދުއިސައްތަ ފަހެއް ރުފިޔާ ފަންސާސް ހަލާރި) އެވެ. މި އެއްބަސްވުމުގެ ދަށުން ބޯޓު ޙަވާލުކުރަންޖެހޭ ތާރީޚަކީ އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 300 (ތިންސަތޭކަ) ދުވަހެވެ.
ނަމަވެސް މަސައްކަތް ނުނިމި، މި އެއްބަސްވުން ހަތަރު ފަހަރެއްގެ މަތިން އިޞްލާހުކުރެވި، 40 (ހަތަރެއް) އެމެންޑްމަންޓެއްގައިވަނީ ސޮއިކުރެވިފައެވެ. މިގޮތުން ފުރަތަމަ އެމެންޑްމަންޓުގައި ސޮއިކުރީ 18 ނޮވެންބަރު 2009 ގައި ކަމާއި ދެވަނަ އެމެންޑްމަންޓުގައި ސޮއިކޮށްފައިވަނީ 14 ފެބުރުވަރީ 2010 ގައި ކަމާއި، އަދި ތިންވަނަ އެމެންޑްމަންޓުގައި ސޮއިކުރެވިފައިވަނީ 15 ޖޫން 2011 ގައެވެ. އޭގެ ފަހުން ހަތަރުވަނަ އެމެންޑްމަންޓުގައި ސޮއިކޮށްފައިވަނީ، 31 ޖުލައި 2012 ގައެވެ.
ހަތަރުވަނަ އެމެންޑްމަންޓުގައި ސޮއިކުރެވުނު އިރު އެމް.ޕީ.އެލްއިން ދައްކާފައިވާ ފައިސާގެ ޖުމްލަ ޢަދަދަކީ 11,000,000.00/-ރ. (އެގާރަ މިލިޔަން ރުފިޔާ) ކަން އެނގޭ ކަމާއި އަދި ބާކީ ނުދައްކާ ވަނީ 28,986,205.56/-ރ. (އަށާވީސް މިލިޔަން ނުވަ ލައްކަ އަށްޑިހަ ހަހާސް ދުއިސައްތަ ފަހެއް ރުފިޔާ ފަންސާސް ހަލާރި) ކަން އެއްބަސްވުން ބެލުމުން އެނގެއެވެ.
ހަތަރުވަނަ އެމެންޑްމަންޓަކީ ޓަގު ބޯޓު ބަނުމުގެ މަސައްކަތް ފުރިހަމަ ކުރުމަށްޓަކައި ކޮންޓްރެކްޓަށް ގެނެވޭ އެންމެ ފަހުގެ ބަދަލުކަމާއި މި ބަދަލަށްފަހު، ސެންޓަރ އެންޓަރޕްރައިސަސްގެ މަސައްކަތް ފުރިހަމަ ކުރުމަށް އިތުރު ލުޔެއް ނުލިބޭނެ ކަމާއި، އެއަށްފަހު، ސެންޓަރ އެންޓަރޕްރައިސަސްއިން އެއްބަސްވުމާ ޚިލާފުވެއްޖެނަމަ އެކަމުގެ ސަބަބުން، އިތުރު ފުރުސަތެއް ނެތި އެއްބަސްވުން ނިމުމަކަށް އަންނާނެ ކަމަށް އެއްބަސްވުމަށް ބެލުމުން ދޭހަވެއެވެ.
އެހެން ގޮތަކަށް އެއްބަސްވުމުގައި ބަޔާންކޮށްފައި ނުވާ ޙާލަތުގައި، ޓަގު ބޯޓުގެ ޖުމްލަ އަގު ފިޔަވައި، ފައިސާއާ ގުޅޭ އިތުރު ޒިންމާއެއް އެމް.ޕީ.އެލްއިން އުފުލަން ނުޖެހޭނެކަން އެއްބަސްވުމަށް ބެލުމުން ދޭހަވެއެވެ.
ފައިސާ ދެއްކުމާގުޅޭ މާއްދާ
ފައިސާ ދެއްކުމާ ގުޅޭގޮތުން އެއްބަސްވެފައިވާ އަސާސީ މާއްދާއަކީ 04 (ހަތަރުވަނަ) އެމެންޑްމަންޓުގެ 20 ވަނަ މާއްދާއެވެ.
20.1. މި މާއްދާގެ (a) ގެ ނައްސައް ބަލާއިރު، މި އެއްބަސްވުމުގެ ދަށުން ސެންޓަރ އެންޓަރޕްރައިސަސްއިން ބަންނަ އުޅަނދުގެ 60 އިންސައްތަ މަސައްކަތް ފުރިހަމަކޮށް ޖީ.އެލް ސަރޓިފިކޭޓް އާއި، އެމް.ޕީ.އެލް ރިޕްރެޒެންޓޭޓިވް ރިޕޯޓް އާއި، ވޯކް ޝެޑިއުލް އަދި މެޝިންތަކާއި އިކުއިޕްމެންޓްތަކުގެ އަގު ލިސްޓް ސެންޓަރ އެންޓަރޕްރައިސަސްއިން ހުށަހެޅުމުން، އެއްބަސްވުމުގެ ހަތަރުވަނަ އިސްލާޙަށް ޢަމަލުކުރަން ފަށާއިރު ދޭ ފުރަތަމަ ޢަދަދުގެ ގޮތުގައި 12,991,723.34/-ރ. (ބާރަ މިލިޔަން ނުވަލައްކަ ނުވަދިހަ އެއްހާސް ހަތްސަތޭކަ ތޭވީސް ރުފިޔާ ތިރީސް ހަތަރުލާރި) ސެންޓަރ އެންޓަރޕްރައިސަސްއަށް ދިނުމަށް އެމް.ޕީ.އެލްއިން އެއްބަސްވެފައިވާކަން އެނގެއެވެ. އަދި ފުރަތަމަ ޕޭމަންޓް ދެއްކި ކަމުގެ ރަސީދު ސެންޓަރ އެންޓަރޕްރައިސަސްއަށް ލިބުމާއެކު ސެންޓަރ އެންޓަރޕްރައިސަސްއިން ހުށަހަޅާފައިވާ ވޯކް ޝެޑިއުލްއާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދަންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި މީގެ އިތުރުން އެއްވެސް ސަބަބަކާ ހުރެ މި އެއްބަސްވުމުގެ ކުރިން ދެފަރާތް ދެމެދު ޙައްލުކުރެވިފައިނުވާ އެއްވެސް މައްސަލައަކާ ހުރެ މި އެއްބަސްވުމުގެ ދަށުން ކުރަންޖެހޭ އެއްވެސް މަސައްކަތެއް ނުކޮށް ދޫކޮށްލުން ނުވަތަ ހުއްޓާނުލުން ނުވަތަ ލަސްނުކުރާނެ ކަމަށް ސެންޓަރ އެންޓަރޕްރައިސަސްއިން އެއްބަސްވެފައިވާކަން އެނގެއެވެ.
20.2. ހަމަ މި މާއްދާގެ (b) އަށް ބަލާއިރު، ބާކީ ފައިސާއަކީ 15,686,465.56/-ރ. (ފަނަރަ މިލިޔަން ހަލައްކަ އަށްޑިހަ ހަހާސް ހަތަރު ސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ ފަންސާސް ހަލާރި) އެވެ. އެންމެ ފަހުން ދައްކަންޖެހޭ ފައިސާ ފިޔަވައި މަސައްކަތް ކުރިއަށް ދާވަރަކުން 04 ވަނަ އެމެންޑްމަންޓުގެ ޖަދުވަލު 01 ގައިވާ ގޮތަށް އެމް.ޕީ.އެލްއިން ސެންޓަރ އެންޓަރޕްރައިސަސްއަށް ފައިސާ ދައްކަން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.
20.3. މިގޮތުން ޖަދުވަލު 1 އަށް ބަލާއިރު، ފުރަތަމަ ޕޭމަންޓަކީ ބޯޓުގެ ފަށަން ދަމާލައި، އޮނިގަނޑު ތައްޔާރުވުމުން 2,820,000.00/-ރ. (ދެމިލިޔަން އަށްލައްކަ ވިހިހާސް ރުފިޔާ) އަދި ދެވަނަ ޕޭމަންޓުގެ ގޮތުގައި ބޯޓުގައި އިންޖީނު އެޅުމާއެކު 3,820,000.00/-ރ. (ތިންމިލިޔަން އަށްލައްކަ ވިހިހާސް ރުފިޔާ) އެއަށްފަހު އެންމެ ފަހުގެ ޕޭމަންޓް އެއްބަސްވުމުގައިވާ ގޮތުގެމަތިން ބޯޓާ ޙަވާލުވުމަށްފަހު 9,046,465.56/-ރ. (ނުވަ މިލިޔަން ސާޅީސް ހަހާސް ހަތަރު ސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ ފަންސާސް ހަލާރި) އެވެ.
އެމް.ޕީ.އެލްއިން ސެންޓަރ އެންޓަރޕްރައިސަސްއަށް ދައްކާފައިވާ ފައިސާގެ ޖުމްލަ ޢަދަދު
އެއްބަސްވުމަށާއި އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލައިގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލައި، މުޅި ކޮންޓްރެކްޓުގެ އަގަކީ 39,986,205.56/-ރ. (ތިރީސް ނުވަ މިލިޔަން ނުވަލައްކަ އަށްޑިހަ ހަހާސް ދުއިސައްތަ ފަހެއް ރުފިޔާ ފަންސާސް ހަލާރި) މީގެ ތެރެއިން އެމް.ޕީ.އެލްއިން ސެންޓަރ އެންޓަރޕްރައިސަސްއަށް ދައްކާފައިވާ ފައިސާގެ ޖުމްލަ ޢަދަދަކީ 24,783,731.91/-ރ. (ސައުވީސް މިލިޔަން ހަތްލައްކަ އަށްޑިހަ ތިންހާސް ހަތްސަތޭކަ އެއްތިރީސް ރުފިޔާ ނުވަދިހަ އެއްލާރި) ކަމާއި، އަދި މީގެ ތެރޭގައި ކުރިން ބުނެވުނު ހަތަރުވަނަ އެމެންޑްމަންޓްގެ 20 ވަނަ މާއްދާގެ (a) ގައި ބުނާ 12,991,723.34/ރ. (ބާރަ މިލިޔަން ނުވަލައްކަ ނުވަދިހަ އެއްހާސް ހަތްސަތޭކަ ތޭވީސް ރުފިޔާ ތިރީސް ހަތަރު ލާރި) ސެންޓަރ އެންޓަރޕްރައިސަސްއަށް ލިބިފައިވާކަން އެނގެއެވެ.
އިންވޮއިސްގައިވާ ފައިސާ
ސެންޓަރ އެންޓަރޕްރައިސަސްއިން ސިވިލް ކޯޓުގައި އުފުލި ދަޢުވާ ބިނާކޮށްފައިވަނީ މަތީގައި ބަޔާންކުރެވިފައިވާ އިންވޮއިސްގައިވާ ފައިސާ ހޯދުމަށާއި އަދި އެ އިންވޮއިސްގައިވާ ފައިސާ ނުދެއްކުމުން ދައްކަން ޖެހޭކަމަށް ބަޔާންކުރާ ޖޫރިމަނާ ފައިސާ ހޯދުމަށެވެ.
މި އިންވޮއިސްގެ ތަފްސީލަށް ބަލާއިރު ފާހަގަކޮށްފައިވަނީ 2011 ޖުލައި މަހުން ފެށިގެން 2012 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ނިޔަލަށް އައިޑަލް ޓައިމް އެކްސްޕެންޑިޗަރ ގޮތުގައި ދައްކަން ޖެހޭކަމަށް އިންވޮއިސްގައި ބަޔާންކުރާ ޕްރިންސިޕަލް އެމައުންޓް 13,915,991.83/-ރ. (ތޭރަމިލިޔަން ނުވަލައްކަ ފަނަރަހާސް ނުވަސަތޭކަ ނުވަދިހަ އެކެއް ރުފިޔާ އަށްޑިހަ ތިނެއްލާރި) އާއި ޖީ.އެސް.ޓީގެ ގޮތުގައި 834,959.51/-ރ. (އަށްލައްކަ ތިރީސް ހަތަރުހާސް ނުވަސަތޭކަ ފަންސާސް ނުވަ ރުފިޔާ ފަންސާސް އެއްލާރި) އާއެކު ޖުމްލަ 14,750,951.34/-ރ. (ސާދަ މިލިޔަން ހަތްލައްކަ ފަންސާސްހާސް ނުވަސަތޭކަ ފަންސާސް އެކެއް ރުފިޔާ ތިރީސް ހަތަރު ލާރި) އެވެ.
އިންވޮއިސްގައިވާ ޕްރިންސިޕަލް އެމައުންޓް ހޯދުމަށް އެދިފައިވަނީ އެއްބަސްވުމުގެ ހަތަރުވަނަ އެމެންޑްމަންޓުގެ 02 ވަނަ މާއްދާގެ (a) ގެ ދަށުން ކަމާއި، އަދި އެ ފައިސާ 07 (ހަތެއް) ދުވަހުގެ ތެރޭގައި ދައްކަން އަންގާފައިވާ ކަމާއި، އަދި މި މުއްދަތުގައި ފައިސާ ނުދައްކައިފިނަމަ، ކޮންމެ މަހަކު 1.6% ޖޫރިމަނާ އަރާނެކަން އެ އިންވޮއިސްއަށް ބެލުމުން އެނގެއެވެ.
އެންޓި-ކޮރަޕްޝަން ކޮމިޝަނުން އެމް.ޕީ.އެލްއަށް ޓަގު ބޯޓު ބަނުމާ ގުޅޭގޮތުން އެންގުމެއް އެންމެ ފުރަތަމަވެސް އަންގާފައިވަނީ 2012 ވަނަ އަހަރުކަން ފާހަގަކުރަމެވެ. ނަމަވެސް، އިންވޮއިސްގައި ބަޔާންކުރާ ފައިސާ ހޯދުމަށް އެދިފައި އޮތް މުއްދަތަކީ އެ ކޮމިޝަނުގެ އެންގުމެއް ނުވަތަ އިރުޝާދެއް އެމް.ޕީ.އެލްއަށް ދީފައިވާ މުއްދަތުގެ ކުރިޔަށްވެސް ހިމަނައިގެން ދީފައިވާ މުއްދަތެއްކަން ފާހަގަކުރަމެވެ. މިގޮތުން އެންޓި-ކޮރަޕްޝަންގެ އެންގުން އޮތީ 2012 ވަނަ އަހަރު ކަމުގައި ވިޔަސް އައިޑަލް ޓައިމް އެކްސްޕެންޑިޗަރ ހޯދުމަށް އެދިފައިވަނީ އޭގެ ކުރީ އަހަރު 2011 ވަނަ އަހަރު ހިމެނޭގޮތަށް 2011 ޖުލައި މަހުން ފެށިގެން 2012 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ނިޔަލަށްކަން ފާހަގަކުރަމެވެ. މީގެ އިތުރުން، ހަތަރުވަނަ އެމެންޑްމަންޓުގައި ސޮއިކުރީ 31 ޖުލައި 2012 ގައި ކަމުގައިވިޔަސް ސެންޓަރ އެންޓަރޕްރައިސަސްއިން ފައިސާ ހޯދުމަށް އެދިފައިވަނީ އެއްބަސްވުމުގެ ހަތަރުވަނަ އެމެންޑްމަންޓުގެ 20 ވަނަ މާއްދާގެ (a) ގެ ދަށުން އެ އެމެންޑްމަންޓުގައި ސޮއިކުރުމުގެ ކުރީގެ މުއްދަތެއް ހިމެނޭގޮތަށް ކަމުގައިވާތީވެ، ސެންޓަރ އެންޓަރޕްރައިސަސްއިން މި މައްސަލައިގައި ޝަރީޢަތުގެ ކުރި މައްޗަށް ހުށަހަޅާފައިވާ އަސާސީ ހަޤީގަތްތަކުގައި ބޮޑެތި ފުށޫ އެރުންތަކެއް ހުރިކަން ފާހަގަކުރަމެވެ.
އިންވޮއިސް އާ ގުޅިގެން އުފުލުނު ދަޢުވާ
މި މައްސަލައިގައި ސިވިލް ކޯޓަށް ސެންޓަރ އެންޓަރޕްރައިސަސްއިން ހުށަހެޅި ދަޢުވާއަކީ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ އެންގުމަށް އެމް.ޕީ.އެލްއިން ޓަގު ބޯޓު ބަނުމުގެ މަސައްކަތް ހުއްޓުވާފައި އޮތް މުއްދަތަށް ހިނގި ކަމަށް ބުނާ އައިޑަލް ޓައިމް ޗާރޖު ގޮތުގައި އިންވޮއިސްގައި ބަޔާންކުރާ 13,915,991.83/-ރ. (ތޭރަ މިލިޔަން ނުވަލައްކަ ފަނަރަހާސް ނުވަސަތޭކަ ނުވަދިހަ އެކެއް ރުފިޔާ އަށްޑިހަ ތިންލާރި) ހޯދުމާއި އަދި އެ އިންވޮއިސްގައިވާ ފައިސާ ދެއްކުމަށް ދީފައިވާ މުއްދަތު ކަމުގައި ބުނާ 07 (ހަތެއް) ދުވަހުގެ ތެރޭގައި ފައިސާ ނުދެއްކި ހިނގާ ކޮންމެ މަހަކު ޖޫރިމަނާގެ1.6% އަށް ދައްކަން ޖެހޭނެ ކަމަށް ބަޔާންކުރާތީވެ، 27 (ހަތާވީސް) މަސް ދުވަހަށް ޖެހޭ 6,372,410.97/-ރ. (ހަމިލިޔަން ތިންލައްކަ ހަތްދިހަ ދެހާސް ހަތަރު ސަތޭކަ ދިހައެއް ރުފިޔާ ނުވަދިހަ ހަތްލާރި) އާ އެކު ޖުމްލަ 21,123,362.31/-ރ. (އެކާވީސް މިލިޔަން އެއްލައްކަ ތޭވީސްހާސް ތިންސަތޭކަ ފަސްދޮޅަސް ދެރުފިޔާ އެއްތިރީސް ލާރި) ހޯދުމަށެވެ.
އެންޓި-ކޮރަޕްޝަން ކޮމިޝަންގެ އިރުޝާދު
އެންޓި-ކޮރަޕްޝަން ކޮމިޝަނަކީ ދައުލަތުގެ އެންމެހައި ދާއިރާތަކުގައި ކޮރަޕްޝަން ނައްތާލުމުގެ މަސައްކަތްކުރުމުގެ ޒިންމާ މަތިކުރެވިފައިވާ މުއައްސަސާކަމަށް ވެފައި، ކޮރަޕްޝަންގެ ޢަމަލެއް ހިނގާކަމުގެ މަޢުލޫމާތެއް ލިބިއްޖެނަމަ، ނުވަތަ އެފަދަ ކަމަކަށް ޝައްކު ކުރެވިއްޖެ ހިނދަކު، އެކަމެއް ބަލައި ތަޙުޤީގުކޮށް ފިޔަވަޅު އެޅުމާއި ލަފާދިނުމުގެ ޒިންމާ މަތިކުރެވިފައިވާ މުއައްސަސާއެވެ.
މިގޮތުން ހުށަހެޅިފައިވާ މި މައްސަލައިގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުން 17 ޖަނަވަރީ 2012 ގައި ސެންޓަރ އެންޓަރޕްރައިސަސް އާއި އެމް.ޕީ.އެލް އާ ދެމެދުވެފައިވާ އެއްބަސްވުމުގެ ދަށުން، ޓަގު ބޯޓް ބަނުމުގެ މަސައްކަތް ލަސްވެ، އެ މަސައްކަތް ފުރިހަމަ ކުރުމެއް ނެތި ފައިސާ ދޫކުރުމަށް އުޅޭކަމުގެ ޝަކުވާތަކެއް އެ ކޮމިޝަނަށް ލިބި، ސެންޓަރ އެންޓަރޕްރައިސަސްއިން ބޯޓު ބަނުމުގެ މަސައްކަތް ފުރިހަމަ ކުރަމުންދާ ވަރަކުން އެ މަސައްކަތް ގަވާއިދުން ބެލުމަށްފަހު ފައިސާ ދޫކުރުމަށް އެމް.ޕީ.އެލްއަށް އިރުޝާދު ދީފައިވާކަން އެނގެއެވެ.
އެންޓި-ކޮރަޕްޝަން ކޮމިޝަންއިން އެމް.ޕީ.އެލްއަށް ފޮނުވާފައިވާ ސިޓީތަކަށް ބަލާއިރު ޖުމްލަ ގޮތެއްގައި، ފާހަގަކޮށްފައިވަނީ މަސައްކަތް ކުރަމުންދާ ވަރަކުން، އެ މަސައްކަތެއް ގަވާއިދުން ބަލައި އެ މައްޗަށް ބިނާކޮށް މަސައްކަތްކުރާ ވަރަކުން އެއްބަސްވުމުގެ ދަށުން ފައިސާ ދޫކުރުން ކަމާއި، މަސައްކަތް ނުކުރާ ހިނދަކު ފައިސާ ދޫނުކުރަންކަން އެނގޭހިނދު، އެ ކޮމިޝަންއިން އެމް.ޕީ.އެލް އާ ބަދަލުކުރެވިފައިވާ ސިޓީތަކުން އެ ޕްރޮޖެކްޓް ހުއްޓުވުމުގެ އެއްވެސް ނިޔަތެއް އެ ކޮމިޝަނުގެ އެންގުންތަކުން ދޭހަ ނުވާކަން ފާހަގަކުރެވެއެވެ.
އެންޓި-ކޮރަޕްޝަން ކޮމިޝަންގެ އިރުޝާދާ ގުޅިގެން އުފުލުނު ދަޢުވާ
ސެންޓަރ އެންޓަރޕްރައިސަސްއިން އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މައްޗަށް ސިވިލް ކޯޓުގައި ދަޢުވާ އުފުލިއެވެ. މި ދަޢުވާ ބިނާކޮށްފައިވަނީ އެ ކޮމިޝަނުގެ އެންގުމަކަށް އެމް.ޕީ.އެލްއިން ޓަގު ބޯޓުގެ މަސައްކަތް ހުއްޓާލުމަށް އަންގާފައި އޮތުމުގެ ސަބަބުން ސެންޓަރ އެންޓަރޕްރައިސަސްއަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމުގެ މައްޗަށްކަން އެނގެއެވެ. މިގޮތުން 2013 ވަނަ އަހަރު އެޕްރީލް މަހުގެ 21 ވަނަ ދުވަހު ސެންޓަރ އެންޓަރޕްރައިސަސްއިން އެންޓި-ކޮރަޕްޝަންގެ މައްޗަށް ސިވިލް ކޯޓުގައި އުފުލި ދަޢުވާ ބަލައި ގޮތެއް ކަނޑައަޅާފައި ވަނީ އެ ކޯޓުގެ ނަންބަރު 832/Cv-C/2013ޤަޟިއްޔާއިން ސެންޓަރ އެންޓަރޕްރައިސަސް އާ ދެކޮޅަށެވެ. މި މައްސަލަ ސިވިލް ކޯޓުން ނިމުމާ ވިދިގެން ސެންޓަރ އެންޓަރޕްރައިސަސްއިން ދިވެހިރާއްޖޭގެ ހައިކޯޓަށް އެ މައްސަލަ އިސްތިއުނާފު ކުރުމުން އެ މައްސަލަ އެ ކޯޓުން ބަލައި ގޮތެއް ކަނޑައަޅާފައި ވަނީ އެ ކޯޓުގެ ނަންބަރު 2016/HC-A/21 ޤަޟިއްޔާ އިންނެވެ. މި 02 (ދޭއް) މައްސަލައިގެ ޚުލާސާއެއް ތިރީގައި ބަޔާންކޮށްފައި އެ ވަނީއެވެ.
(ހ) އެންޓި-ކޮރަޕްޝަން ކޮމިޝަންގެ އިރުޝާދާ ގުޅިގެން ސެންޓަރ އެންޓަރޕްރައިސަސްއިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ
އެ ދަޢުވާގެ ޚުލާސާގައި ވަނީ ސެންޓަރ އެންޓަރޕްރައިސަސް އާއި އެމް.ޕީ.އެލް އާ ދެމެދު 18 ނޮވެންބަރު 2008 ގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ޓަގު ބޯޓެއް ސަޕްލައިކުރުމަށްޓަކައި މަސައްކަތް ކުރަމުން ދަނިކޮށް، އެއްބަސްވުމަށް ޢަމަލުކުރުން ހުއްޓުވައި ލިބެންވާ ފައިސާ ދިނުން ހުއްޓާލުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން އެމް.ޕީ.އެލްއަށް އަންގައި މަސައްކަތް ހުއްޓުވާފައިވާތީ އާއި ސެންޓަރ އެންޓަރޕްރައިސަސް ލިމިޓެޑަށް އެއްބަސްވުމުގެ ދަށުން މަސައްކަތް ފުރިހަމަ ނުކުރެވޭކަމަށް ދޭހަވާގޮތަށް އާންމުކޮށް ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ޙަޤީގަތާއި ޚިލާފަށް މަޢުލޫމާތު ހާމަކުރާތީވެ ސެންޓަރ އެންޓަރޕްރައިސަސްއަށް ނުލިބޭ ފައިސާއެއް ލިބުނުކަމަށް ބަޔާންކޮށްފައިވާތީވެ ވިޔަފާރިއަށް ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި، 815,913,266.94/-ރ. (އަށްސަތޭކަ ފަނަރަ މިލިޔަން ނުވަލައްކަ ތޭރަހާސް ދުއިސައްތަ ފަސްދޮޅަސް ހަރުފިޔާ ނުވަދިހަ ހަތަރުލާރި) ހޯދުމަށެވެ.
މި މައްސަލައިގައި ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމުގައި ބުނެފައި ވަނީ، 18 ނޮވެންބަރު 2008 ގައި ވެވުނު އެއްބަސްވުމުގެ ދަށުން ޓަގު ބޯޓު ސަޕްލައިކުރުމުގެ މަސައްކަތުގެ ތެރެއިން އުފެދިފައިވާ ދެބަސްވުމާ ގުޅިގެން އެ ބޯޓުގެ މަސައްކަތް ފުރިހަމަ ކުރުމުގެ ކުރިން، އިތުރު ފައިސާއެއް ދޫނުކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން 17 ޖަނަވަރީ 2012 ގައި އެމް.ޕީ.އެލްއަށް އަންގާފައި އޮތް އޮތުމަކީ ހެޔޮ ނިޔަތުގައި ޤާނޫނުން ލިބިދޭ ބާރުގެ ދާއިރާއިން ބޭރުން ޒިންމާދާރު ކަމެއްނެތި އަންގާފައިވާ އެންގުމެއް ކަމަށް ޝަރީޢަތަށް ސާބިތުނުވާ ކަމަށް ކަނޑައަޅައެވެ.
(ށ) އެންޓި-ކޮރަޕްޝަން ކޮމިޝަންގެ އިރުޝާދާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓަށް ސެންޓަރ އެންޓަރޕްރައިސަސްއިން އިސްތިއުނާފުކުރި މައްސަލަ
މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ސެންޓަރ އެންޓަރޕްރައިސަސްގެ ފަރާތުން އިސްތިއުނާފު ކުރުމުންވަނީ ސިވިލް ކޯޓުގެ ޙުކުމަށް ތާއީދުކޮށްފައެވެ. މިގޮތުން ސިވިލް ކޯޓުގެ ޙުކުމަށް ތާއީދުކުރުމުގައި ރިޢާޔަތްކޮށްފައިވާ ކަންކަމުގެ ތެރޭގައި، އެންޓި-ކޮރަޕްޝަން ކޮމިޝަނުން އެއްވެސް ފައިސާއެއް ނުދިނުމަށް އަންގާފައިވާ އެންގުމެއް ނޫންކަމާއި، މިގޮތުން އެ އެންގުން އެންގުނު އިރުވެސް، މަސައްކަތް ނުނިމި ތިން އެމެންޑްމަންޓެއް އެއްބަސްވުމަށް ގެނެވިފައި ވާހިނދު، އަދި އެ ކޮމިޝަނުގެ އެންގުމުގެ ސަބަބުން ދެފަރާތުގެ ދެމެދުގައިވާ އެއްބަސްވުމުގެ އިލްތިޒާމުތައް ފުރިހަމަ ނުކުރެވޭނެ ނަތީޖާއެއް ނިކުންނަ ގޮތަށް އަންގާފައިވާ އެންގުމެއް ނޫންކަން އެނގެއެވެ. އޭގެ ފަހުން، ވެވުނު ހަތަރުވަނަ އެމެންޑްމަންޓާ އެއްގޮތަށްވެސް ސެންޓަރ އެންޓަރޕްރައިސަސްއިން މަސައްކަތް ފުރިހަމަ ކުރެވިފައި ނުވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން އެ މައްސަލަ ނިންމުމުގައި ފާހަގަކޮށްފައި ވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލަ ނިންމުމާ ގުޅިގެން އެއްވެސް ފަރާތަކުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އެ މައްސަލަ އިސްތިއުނާފުކޮށްފައި ނުވާހިނދު، ސެންޓަރ އެންޓަރޕްރައިސަސްއިން އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މައްޗަށް ސިވިލް ކޯޓުގައި އުފުލުނު ދައުވާގައި ކަނޑައަޅާފައިވާ، އެ ކޮމިޝަނުގެ އެންގުމަކީ ޤާނޫނީ ޒިންމާ އަދާކުރުމަށްޓަކައި ހެޔޮ ނިޔަތުގައި އަންގާފައި އޮތް އެންގުމެއް ކަމަށް ކަނޑައަޅައި އެކަމުގެ ސަބަބުން ބަދަލެއް ދޭން ނުޖެހޭނެ ކަމާއި، ސިވިލް ކޯޓުގެ އެ ޙުކުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ތާއީދުކޮށްފައި ވާތީވެ، ދިވެހިރާއްޖޭގެ ހައިކޯޓުގެ އެ ނިންމުމަކީ ނިހާއީ ޙުކުމެކެވެ.
އޭގެ ފަހުން، ހުށަހެޅިފައިވާ މި މައްސަލައިގެ މައުޟޫއަކީވެސް އެންޓި-ކޮރަޕްޝަން ކޮމިޝަންގެ އެންގުމާ ގުޅިގެން މަސައްކަތް ހުއްޓާލާފައި އޮތް މުއްދަތެއް ކަމަށް ބުނެ އެމް.ޕީ.އެލްގެ މައްޗަށް ބަދަލު ހޯދުމާގުޅޭ މައްސަލައެއް ކަމުގައިވާތީވެ އެކަމާގުޅޭ ގޮތުން ނިހާއީ ޙުކުމެއް އޮތްހިނދު މި މައްސަލައިގައި އެ މައުޟޫއުގައި އަލުން ބަހުސްކުރެވި ގޮތެއް ކަނޑައެޅިދާނެ ކަމަކަށް އަހުރެން ނުދެކެމެވެ.
އަދި މި ރައުޔުގެ 25 ވަނަ ޕެރެގްރާފުގައިވާ ފަދައިން، އެންޓި-ކޮރަޕްޝަން ކޮމިޝަނުން އަންގާފައިވާ އެންގުމަކާ ގުޅިގެން ގެއްލުމެއް ވެފައިވާ ކަމަށް ބުނެ ދަޢުވާކުރެވޭއިރު ސެންޓަރ އެންޓަރޕްރައިސަސްއިން އައިޑަލް ޓައިމް ޗާރޖް ހޯދުމަށް އެދިފައިވާ މުއްދަތުގެ ކުރީ ކޮޅުގެ ބޮޑު ބައެއްގައި އެ ކޮމިޝަނުގެ އެއްވެސް އެންގުމެއް ނޯންނާނެ ހިނދު، އެއްބަސްވުމުގެ ހަތަރުވަނަ އެމެންޑްމެންޓުގައި ސޮއިކުރުމާއެކު އޭގެ ކުރީގައި ހިނގާފައިވާ ދެބަސްވުމެއް ވާނަމަވެސް ނިމުމަކަށް އައިސްފައިވާކަން އެ އެއްބަސްވުން ބެލުމުން ދޭހަވާކަން އެނގެއެވެ.
އިންވޮއިސްގައިވާ ފައިސާއަކީ އެއްބަސްވުމުގެ ދަށުން އެމް.ޕީ.އެލްއިން ދައްކަންޖެހޭ ފައިސާއެއްތޯ ބެލުން
ބަޔާންވެދިޔަ ކަންކަމުގެ އަލީގައި، ކުރިންވެސް ދެންނެވިފައިވާ ފަދައިން، އިންވޮއިސްގައިވާ ފައިސާ އަކީ:
(ހ) 2011 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން 2012 ވަނަ އަހަރުގެ އޮގަސްޓުއަށް (14 މަސް) ގެ އައިޑިއަލް ޓައިމް ޗާޖުގެ ގޮތުގައި ބަޔާންކުރާ ޢަދަދަކާއި؛ އަދި
(ށ) ހަތަރުވަނަ އެމެންޑްމަންޓުގެ 20 ވަނަ މާއްދާގެ (a) ގެ ދަށުން ހޯދުމަށް އެދިފައިވާ ޕްރޮގްރެސިވް ޕޭމަންޓެއްގެ ގޮތުގައި ކަމަށް ބުނެ ހޯދުމަށް އެދިފައިވާ ފައިސާ އެއްކަން ސާފުވެއެވެ.
ނަމަވެސް އިންވޮއިސްއިން ސާފުނުވާ ކަމަކީ ދެ ފައިސާއެއް ބަޔާންކޮށްފައި އޮންނައިރު، އައިޑަލް ޓައިމް ޗާޖާއި އަދި ޕްރޮގްރެސިވް ޕޭމަންޓުގެ ގޮތުގައި އިސްތިއުނާފުކުރާ ފަރާތުން ބަޔާންކުރާ ޢަދަދެއް ނޭގޭ ކަމެވެ. ސެންޓަރ އެންޓަރޕްރައިސަސްއިން ސިވިލް ކޯޓަށް ހުށަހަޅާފައިވާ އައިޑަލް ޓައިމް ޗާޖުގެ ތަފްސީލަށް ބަލާއިރު، 2011 ޖުލައި އިން 2012 އޮގަސްޓު މަހުގެ ނިޔަލަށް ސެންޓަރ އެންޓަރޕްރައިސަސްއިން ކޮށްފައިވާ ކަމަށް ބުނާ ޚަރަދުތަކެއްކަން އެނގެއެވެ. މި ޚަރަދުތަކުގެ ތަފްސީލަށް ބަލާއިރު ދޭހަވަނީ، ޑިރެކްޓަރުންގެ މުސާރަ އާއި މަސައްކަތު މީހުންގެ މުސާރަ އާއި، ޓަގު ބޯޓުގެ މެއިންޓަނަންސް ކަމަށް ބުނާ ޚަރަދުތަކެވެ.
މި ރައުޔުގެ 29 ވަނަ ޕެރެގްރާފުގައިވާ ފަދައިން އައިޑަލް ޓައިމް ޗާޖު ހޯދުމަށް އެދިފައިވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަނުން މަސައްކަތް ހުއްޓުވާފައިވާ އޮތް މުއްދަތަށް ކަމުގައިވާތީވެ އެކަމާ ގުޅޭގޮތުން ޝަރުއީ ކޯޓެއްގެ ޙުކުމެއް މިހާރު އޮތްކަން ފާހަގަކުރަމެވެ. އެހެންކަމުން ޝަރުޢީ ކޯޓެއްގެ ނިހާއީ ޙުކުމެއް އޮތް ކަމެއްގައި އަލުން ދަޢުވާކުރެވިދާނެ ކަމަކަށް ނުދެކެމެވެ.
އިންވޮއިސްގައިވާ ފައިސާ ހޯދުމަށް އެދެނީ އެއްބަސްވުމުގެ ކޮން މާއްދާއެއްގެ ދަށުންތޯ ސެންޓަރ އެންޓަރޕްރައިސަސް އާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އޮތް ޝަރީޢަތުގެ މަޖިލީހުގައި ސުވާލުކުރުމުން ބުނެފައި ވަނީ އެއްބަސްވުމުގެ ވަކި މާއްދާއަކާ ހަވާލާދޭން ދަތިކަމަށެވެ. ނަމަވެސް މިހެން އެ ފަރާތުން ބުނާއިރު، އައިޑަލް ޓައިމް ޗާޖުގެ ގޮތުގައި ހޯދުމަށް އެދޭ ފައިސާ ހޯދުމަށް އެދިފައިވަނީ އެއްބަސްވުމުގެ ހަތަރުވަނަ އެމެންޑްމަންޓުގެ 02 ވަނަ މާއްދާގެ (a) ގެ ދަށުންކަން އިންވޮއިސްއަށް ބެލުމުން އެނގެއެވެ.
އެހެންކަމުން މި ރައުޔުގެ 20 ވަނަ ޕެރެގްރާފްގައި ބަޔާންކޮށްފައިވާ ފަދައިން އެއްބަސްވުމުގެ ހަތަރުވަނަ އެމެންޑްމަންޓުގެ 02 ވަނަ މާއްދާގެ (a) ގައި ހަތަރުވަނަ އިސްލާޙަށް ޢަމަލުކުރަން ފަށާއިރު ދޭ ފުރަތަމަ ޢަދަދުގެ ގޮތުގައި -/12,991,723.34ރ. (ބާރަ މިލިޔަން ނުވަލައްކަ ނުވަދިހަ އެއްހާސް ހަތްސަތޭކަ ތޭވީސް ރުފިޔާ ތިރީސް ހަތަރުލާރި) ފައިސާ ކަމާއި މި ފައިސާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/13 ޤަޟިއްޔާ އާއި ނަންބަރު 2021/SC-A/52 (ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑް) ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ބެލުމުން އެނގެއެވެ. މިގޮތުން ޖީ.އެސް.ޓީއާ އެކު ޖުމްލަ 13,915,991.83/-ރ. (ތޭރަ މިލިޔަން ނުވަލައްކަ ފަނަރަ ހާސް ނުވަސަތޭކަ ނުވަދިހަ އެކެއް ރުފިޔާ އަށްޑިހަ ތިންލާރި) އެމް.ޕީ.އެލްއިން ދައްކާ ޚަލާސްކޮށްފައި ވާކަން އެނގޭތީވެ، އެއްބަސްވުމުގެ ހަތަރުވަނަ އެމެންޑްމަންޓުގެ 20 ވަނަ މާއްދާގެ (a) ގެ ދަށުން އެމް.ޕީ.އެލްއިން ސެންޓަރ އެންޓަރޕްރައިސަސްއަށް ދައްކަންޖެހިދާނެ އިތުރު ފައިސާއެއް އޮތް ކަމަކަށް އަހުރެން ނުދެކެމެވެ.
ޖޫރިމަނާ ފައިސާ
އިސްވެ ބުނެވުނު ކަންކަން އެ ގޮތުގެމަތިން ހުރުމުން އިންވޮއިސްގައިވާ ފައިސާ ދައްކަން ނުޖެހޭ ހިނދު، ޝަރުޢިއްޔަތެއް ނެތް ފައިސާއެއް ނުދައްކައިގެން އެ މައްޗަށް ނަގައިދެވިދާނެ ޖޫރިމަނާއެއް އޮންނާނެ ކަމަކަށް އަހުރެން ނުދެކެމެވެ.
މީގެ އިތުރުން، ހަތަރު ފަހަރެއްގެ މަތިން އެއްބަސްވުން އިސްލާޙުކުރެވިފައިވާ ހިނދު އެއްބަސްވުމުގައި ބަޔާންކުރާ ކަމެއް ނުކުރުމުގެ ސަބަބުން ޖަޒާއެއްގެ ގޮތުން ޝަރުޠު ޖަޒާއީ އާ ގުޅޭ މާއްދާއެއް ބަޔާންކޮށްފައިވަނީ، ސެންޓަރ އެންޓަރޕްރައިސަސްއިން މަސައްކަތް ނުނިމިގެން ލަސްވާ ޙާލަތުގައި އެކަނިކަން ފާހަގަކުރަމެވެ. މުޅި އެއްބަސްވުމަށް ބަލާއިރު، އެމް.ޕީ.އެލްއިން ދައްކަންޖެހޭ ފައިސާއެއް ނުދައްކައިގެން އެމް.ޕީ.އެލްގެ މައްޗަށް އިލްތިޒާމުތަކެއް އުފަންވާ ޖަޒާއީ ޝަރުޠެއް އެއްބަސްވުމުގައި ނެތްކަން ފާހަގަކުރަމެވެ.
އަދި ބަހުސްގެ ބޭނުމަށްޓަކައި، މިސާލަކަށް ސެންޓަރ އެންޓަރޕްރައިސަސްއިން ފޮނުވާފައިވާ އިންވޮއިސްގައިވާ ޖޫރިމަނާއާ ގުޅޭ ޝަރުޠުތަކަކީ، ޤާނޫނުގައިވާ ގޮތުގެމަތިން އެއްބަސްވުމުގެ ބައެއްގެ ގޮތުގައި ދެފަރާތުން ބަލައިގަނެ އެއްބަސްވުމަށް އިތުރުކޮށްފައިވާ ބައެއް ކަމުގައި ބަލައިފިހިނދަކު ވެސް ޝަރުޠު ޖަޒާއީ އާ ގުޅޭގޮތުން މިހާރު ޢަމަލުކުރަމުންދާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޙަސަން ޢަލީމަނިކު ވ. އަޙްމަދު ޖަނާޙް ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކަށް ބަލައި، އިންވޮއިސްގައިވާ ފައިސާ 70 (ހަތެއް) ދުވަހުގެ ތެރޭގައި ދައްކަން އަންގާފައިވާ ކަމާއި، އަދި މި މުއްދަތުގައި ފައިސާ ނުދައްކައިފިނަމަ، ކޮންމެ މަހަކު %1.6 ޖޫރިމަނާ އަރާނެކަން ބަޔާންކުރާ ޖަޒާއީ ޝަރުޠު ތަންފީޒު ކުރެވިދާނެ ކަމަކަށް އަހުރެން ނުދެކެމެވެ.
ބަޔާންވެދިޔަ ކަންކަމުގެ އަލީގައި، މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ ޙުކުމަށް ބަދަލުގެންނަންޖެހޭފަދަ ޤާނޫނީ ސަބަބެއް އޮތް ކަމަކަށް އަހުރެން ނުދެކެމެވެ.
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު
މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެ ގޮތުގެމަތިން ހުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/135 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭނެ ތަނެއް ނެތްކަމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅަމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
މަޙާޒު ޢަލީ ޒާހިރުމުޙައްމަދު އިބްރާހީމްޢަލީ ރަޝީދު ޙުސައިން(ރިޔާސަތު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.