ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2021] SC 91 · 2019/SC-A/81ސުޕްރީމް ކޯޓު · 3 އޮކްޓޫބަރު 2021

ޓްރެޝަރ ބިޒް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ވ. ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ)

ސުޕްރީމް ކޯޓު
1 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 3 އޮކްޓޫބަރު 2021ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

2019/SC-A/81

ޝަރީޢަތް ނިމުނުގޮތް

ޓްރެޝަރ ބިޒް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ވ. ދިވެހި ދައުލަތް

ފަނޑިޔާރުންގެ މަޖިލިސް

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްނިމުނު ތާރީޚު

03 އޮކްޓޫބަރު 2021އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ

2016/HC-A/295

އިސްތިއުނާފު ރައްދުވާ ފަރާތް

އިސްތިއުނާފުކުރާ ފަރާތް

ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ) ޓްރެޝަރ ބިޒް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް

ޤާނޫނީ ވަކީލު:

ބަދަލުގައި:

ސީނިއަރ ސްޓޭޓް ކައުންސެލް އަލްއުސްތާޛާ ޙައްވާ ސަނާ ފުއާދު ޒާހިރު، މަރިޔަމްމާގެ، ގއ. ކޮލަމާފުށި

ސީނިއަރ ސްޓޭޓް އެޓަރނީ އަލްއުސްތާޛު ޢަލީ ޝުހައިލް މުޙައްމަދު ޤާނޫނީ ވަކީލު:

ސީނިއަރ ސްޓޭޓް އެޓަރނީ އަލްއުސްތާޛު އަޙްމަދު ނަޝާތު އަލްއުސްތާޛު އަޙްމަދު ނާޡިމް ޢަބްދުއް ސައްތާރު

(ދަ ލިޓިގަންޓްސް)

މަދަނީ – ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާ – އެއްބަސްވުންތަކުގެ ރުކުންތައް –ޝަރުޠުތަކާއެކު ހުށަހެޅުން ޤަބޫލުކުރުން (Conditional Acceptance) – ރައްދު ހުށަހެޅުން (Counter Offer) – ޤާނޫނު ނަންބަރު 20/98 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނު) ގެ 14 ވަނަ މާއްދާ

ޓްރެޝަރ ބިޒް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ވ. ދިވެހި ދައުލަތް

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި)

ތަޢާރުފު

މި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/295 ޤަޟިއްޔާ ނިންމާފައި ވަނީ ޤާނޫނާ އެއްގޮތަށް ނޫން ކަމަށް ބުނެ ޓްރެޝަރ ބިޒް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް (ކުންފުނި ރަޖިސްޓްރޭޝަން ނަންބަރު: C-0758/2008) (މީގެ ފަހުން "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "ޓްރެޝަރ ބިޒް އިންޓަރނޭޝަނަލް" ކަމަށް ބުނެފައިވާ ފަރާތް) ގެ ފަރާތުން ސުޕްރީމް ކޯޓަށް އިސްތިއުނާފަށް ހުށަހެޅި މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ) (މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "ދައުލަތް" ނުވަތަ "މިނިސްޓްރީ" ކަމަށް ބުނެފައިވާ ފަރާތް) އެވެ.

މައްސަލައިގައި ކަންހިނގާފައިވާ ގޮތް

ގުރާބު އިންވެސްޓްމަންޓު މޯލްޑިވްސްއަކީ، ގުރާބު ޓްރޭޑް އެންޑް ޓެރެވެލްސް ޕްރައިވެޓް ލިމިޓެޑް (ކުންފުނި ރަޖިސްޓްރޭޝަން ނަންބަރު: C-03/1994) ގެ ނަމުގައި 2012 ވަނަ އަހަރު ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރި ނަމެކެވެ. އަދި، އެ ނަމުގެ މިލްކުވެރިކަން ގއ. ކޮލަމާފުށި، މަރިޔަންމާގެ، ފުއާދު ޒާހިރު އަށް 26 ސެޕްޓެންބަރު 2012 ގައި ބަދަލު ކުރެވިފައިވެއެވެ.

އޭގެ ފަހުން، ގުރާބު އިންވެސްޓްމަންޓު މޯލްޑިވްސްގެ މިލްކުވެރިކަން ޓްރެޝަރ ބިޒް އިންޓަރނޭޝަނަލްއަށް 27 އޮގަސްޓު 2015 ގައި ބަދަލުކުރެވިފައިވެއެވެ. މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތަކީ ކުރިން ވެސް ބުނެފައިވާ ފަދައިން، ގުރާބު އިންވެސްޓްމަންޓު މޯލްޑިވްސްގެ މިލްކުވެރިކަން މިހާރު އޮތް ޓްރެޝަރ ބިޒް އިންޓަރނޭޝަނަލް އެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ (މީގެ ފަހުން "މިނިސްޓްރީ" ކަމަށް ބުނެފައިވާ) އިން ގުރާބު އިންވެސްޓްމަންޓް މޯލްޑިވްސްއަށް ކުއްޔަށް ދޫކޮށްފައިވާ ރ. ތާވަތާ އެވެ ކިޔާ ރަށުގައި، މަސްވެރިކަމާއި އެންވެރިކަމާބެހޭ ދިރާސާކުރުމަށާއި، މަސްދޯނިފަހަރަށާއި އަދި އާންމުކޮށް ތެޔޮ ގަންނަން ބޭނުންވާ ފަރާތްތަކަށް ތެޔޮ ވިއްކުމަށާއި، މަސްވެރިންނަށް ބޭނުންވާ އައިސް އުފައްދައި ވިއްކުމަށާއި، މިނެރަލް ވޯޓަރ ފުޅި ބަންދުކުރާ ކާރުޚާނާއެއް ޤާއިމުކުރުމަށް ރ. ތާވަތާ ކުއްޔަށް ހިފުމަށް ގުރާބު އިންވެސްޓްމަންޓް މޯލްޑިވްސްއިން 24 ޖޫން 2015 ގައި ހުށަހެޅި ޕްރޮޕޯސަލް ބެލުމަށްފަހު، އެ ޕްރޮޕޯސަލްގައިވާ ކޮންސެޕްޓާ އެއްގޮތަށް ޕްރޮޖެކްޓު ހިންގުމަށް ރ. ތާވަތާ ގުރާބު އިންވެސްޓްމަންޓް މޯލްޑިވްސްއަށް 21 (އެކާވީސް) އަހަރަށް ކުއްޔަށް ދިނުމަށް މިނިސްޓްރީން ނިންމާފައިވެއެވެ.

ރ. ތާވަތާ ކުއްޔަށް ދިނުމަށް މިނިސްޓްރީން ނިންމި ނިންމުން ގުރާބު އިންވެސްޓްމަންޓް މޯލްޑިވްސްއަށް އެންގުމަށް، 27 އޮގަސްޓު 2015 ގައި ފޮނުވި ސިޓީ (award letter) ގައި، ރ. ތާވަތާގެ ސެކިއުރިޓީ ޑިޕޮސިޓެއްގެ ގޮތުގައި 100,000/-ރ. (އެއްލައްކަ ރުފިޔާ) 7 (ހަތެއް) ދުވަސް ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކުމަށާއި، އެ މުއްދަތުގެ ތެރޭގައި ސެކިއުރިޓީ ޑިޕޮސިޓް ފައިސާ ދައްކާފައި ނުވާނަމަ، އެ ރަށް ގުރާބު އިންވެސްޓްމަންޓް މޯލްޑިވްސްއަށް ދިނުމަށް ނިންމި ނިންމުން ބާޠިލުވާނެ ކަމަށް ބަޔާންކޮށް، އެކަން ގުރާބު އިންވެސްޓްމަންޓް މޯލްޑިވްސް އަށް މިނިސްޓްރީން އަންގާފައިވެއެވެ.

މިނިސްޓްރީއިން ފޮނުވާފައިވާ ސިޓީއާ ގުޅިގެން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ފައިސާ ދެއްކުމަށް ގޮސްފައި ވަނީ ޓްރެޝަރ ބިޒް އިންޓަރނޭޝަނަލްގެ ފަރާތުންނެވެ. އަދި، ތަފާތު އެކި ފަހަރު މަތިން ފައިސާ ދައްކަން ދިޔަނަމަވެސް، އެ އޮތޯރިޓީން ފައިސާ ބަލައިގަނެފައިނުވެއެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއިން ފައިސާ ބަލައިގެންފައި ނުވުމުން، ފައިސާ ދެއްކުމުގައި މި މައްސަލަ ދިމާވެފައިވާ ކަމަށާއި، މިނިސްޓްރީން ފައިސާ ދެއްކުމަށް ކަނޑައަޅާ ގޮތެއް އެންގުމަށްފަހު، ދީފައިވާ 7 (ހަތެއް) ދުވަހުގެ މުއްދަތު ގުނަން ފަށާގޮތަށް ހަދައިދިނުމަށް އެދޭ ކަމަށް ގުރާބު އިންވެސްޓްމަންޓު މޯލްޑިވްސްއިން 31 އޮގަސްޓު 2015 ގައި މިނިސްޓްރީއަށް ލިޔުމުން އަންގާފައިވެއެވެ.

ޓްރެޝަރ ބިޒް އިންޓަރނޭޝަނަލްގެ ފަރާތުން ދައްކަން ދިޔަ ފައިސާ ބަލައިގަނެފައި ނުވަނީ، ޓްރެޝަރ ބިޒް އިންޓަރނޭޝަނަލްއިން ދައްކަން ޖެހޭ ފައިސާ ބަލައިގަތުމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް މިނިސްޓްރީގެ ފަރާތުން އަންގާފައި ނުވާތީ އާއި، އެވޯޑު ލެޓަރގައިވާ ގުރާބު އިންވެސްޓްމަންޓު މޯލްޑިވްސްއަކީ ވިޔަފާރި ނަމަކަށް ވެފައި، ޤާނޫނީ ޝަޚްސަކަށް ނުވުމުން، ރ. ތާވަތާ އެވޯޑު ކޮށްފައި ވަނީ "ގުރާބު އިންވެސްޓްމަންޓު މޯލްޑިވްސް" އެ ވިޔަފާރި ނަމުގެ މިލްކުވެރިކަން ދެމި އޮތް ފުއާދު ޒާހިރުއަށް ކަމަށް ބުނެއެވެ. އަދި، 27 އޮގަސްޓު 2015 ގައި ގުރާބު އިންވެސްޓްމަންޓު މޯލްޑިވްސް، ޓްރެޝަރ ބިޒް އިންޓަރނޭޝަނަލްގެ ދަށަށް ބަދަލު ކުރެވިފައި ވީނަމަވެސް، ރ. ތާވަތާއާގުޅޭ އެއްވެސް އިލްތިޒާމެއް ޓްރެޝަރ ބިޒް އިންޓަރނޭޝަނަލްއަށް ނަގުލުކުރެވިފައި ނުވާތީ ކަމަށް ވެސް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ސިވިލް ކޯޓަށް އަންގާފައިވެއެވެ.

އިސްވެ ބަޔާންވެދިޔަ ގޮތަށް ކަންތައް ވުމާއެކު، ފައިސާ ދައްކަން މަސައްކަތް ކުރި ނަމަވެސް، ދެވިފައިވާ 7 (ހަތެއް) ދުވަހުގެ މުއްދަތު ފާއިތުވެދިޔައިރު ވެސް، ގުރާބު އިންވެސްޓްމަންޓު މޯލްޑިވްސްއަށް ޑިޕޮސިޓް ފައިސާ ދެއްކޭގޮތް ވެފައިނުވެއެވެ. އަދި، ގުރާބު އިންވެސްޓްމަންޓް މޯލްޑިވްސްއިން ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ، ދެވުނު 7 (ހަތެއް) ދުވަހުގެ މުއްދަތުގެ ތެރޭގައި ދައްކާފައި ނުވާތީ، ރ. ތާވަތާ ކުއްޔަށް ދިނުމަށް 27 އޮގަސްޓު 2015 ގައި ފޮނުވި އެވޯޑް ލެޓަރ ބާޠިލުވެފައިވާ ކަމަށް މިނިސްޓްރީގެ ފަރާތުން ގުރާބު އިންވެސްޓްމަންޓް މޯލްޑިވްސްއަށް އަންގާފައިވެއެވެ.

އެވޯޑް ލެޓަރ ބާޠިލުވެފައިވާ ކަމަށް މިނިސްޓްރީން އެންގި އެންގުމާ ގުޅިގެން، ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް މިނިސްޓްރީގެ މައްޗަށް އަމުރުކޮށް ދިނުމަށާއި، އަދި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން އެ ފައިސާ ބަލައިގަތް ކަމުގެ ސްލިޕް މިނިސްޓްރީއަށް ހުށަހެޅުމުން އެވޯޑު ލެޓަރއާ އެއްގޮތަށް ޢަމަލުކޮށް، ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިނިސްޓްރީގެ މައްޗަށް އަމުރުކޮށް ދިނުމަށް އެދި ޓްރެޝަރ ބިޒް އިންޓަރނޭޝަނަލްގެ ފަރާތުން ދައުލަތުގެ މައްޗަށް ސިވިލް ކޯޓުގައި ދަޢުވާ ކުރިއެވެ.

ސިވިލް ކޯޓުން ނިންމިގޮތް

ޓްރެޝަރ ބިޒް އިންޓަރނޭޝަނަލްއިން ހުށަހެޅި މައްސަލަ ބަލާފައި ވަނީ ސިވިލް ކޯޓުގެ ނަންބަރު 2320/Cv-C/2015 ޤަޟިއްޔާއިންނެވެ.

މި މައްސަލައިގައި ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމެއް ޤާއިމުވެފައިވާ ކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވެއެވެ. އަދި، ދެ ފަރާތުގެ ދެމެދުގައި އުފެދުނު އެ އެއްބަސްވުން މިނިސްޓްރީން ބާޠިލުކޮށްފައި ވަނީ ޤާނޫނީ އަދި ޝަރުޢީ އުޞޫލުތަކާ ޚިލާފަށް ކަމަށް ކަނޑައަޅައި، 29 މާރިޗު 2016 އިން ފެށިގެން 7 (ހަތެއް) ދުވަސް ތެރޭގައި ރ. ތަވާތާއާ ގުޅިގެން ގުރާބު އިންވެސްޓްމަންޓް މޯލްޑިވްސްއިން ދައްކަން ޖެހޭ ޑިޕޮސިޓް ފައިސާ ދެއްކުމުގެ އިންތިޒާމު ހަމަޖައްސައި ދިނުމަށާއި، އަދި އެ ފައިސާ ދައްކާތާ 15 (ފަނަރަ) ދުވަސް ތެރޭގައި ރ. ތަވަތާ ކުއްޔަށް ދިނުމާބެހޭ އެއްބަސްވުން ލިޔުމަށް ތިރިކޮށް، އެއްބަސްވުމުގައި ގުރާބު އިންވެސްޓްމަންޓް މޯލްޑިވްސް / ޓްރެޝަރ ބިޒް އިންޓަރނޭޝަނަލްއާއެކު ސޮއިކުރުމުގެ އެންމެހައި އިންތިޒާމުތައް ހަމަޖައްސައި ދިނުމަށް ދައުލަތުގެ މައްޗަށް އަންގައި، ސިވިލް ކޯޓުން ޙުކުމް ކޮށްފައިވެއެވެ.

ސިވިލް ކޯޓުން އެ ޙުކުމަށް ވާޞިލުވެފައި ވަނީ އަންނަނިވި ކަންތައްތަކުގެ މައްޗަށް ބިނާކޮށެވެ.

ގުރާބު އިންވެސްޓްމަންޓް މޯލްޑިވްސްއިން ހުށަހެޅި ޕްރޮޕޯސަލް މިނިސްޓްރީން ޤަބޫލުކުރިކަން ގުރާބު އިންވެސްޓްމަންޓު މޯލްޑިވްސްއަށް އެންގުމާއެކު، ދެ ފަރާތުގެ ދެމެދުގައި ބަނދެވިފައިވާ އެއްބަސްވުމެއް 27 އޮގަސްޓު 2015 ގައި ވުޖޫދުވެފައި ވުން؛

ސެކިއުރިޓީ ޑިޕޮސިޓެއްގެ ގޮތުގައި ދައްކަން އެންގި ފައިސާ ދެއްކިފައި ނުވަނީ، މިނިސްޓްރީގެ އިހުމާލު އޮވެގެން ކަން، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއިން ސިވިލް ކޯޓަށް ދީފައިވާ މަޢުލޫމާތަށް ބަލާއިރު ފާޅުކަން ބޮޑު ގޮތެއްގައި އެނގެން އޮތުން؛

ގުރާބު އިންވެސްޓްމަންޓު މޯލްޑިވްސްގެ ފަރާތުން އަދާކުރަންޖެހޭ ޤާނޫނީ އަދި ޝަރުޢީ އެންމެހައި އިލްތިޒާމުތައް އަދާކުރަންޖެހޭ ފަރާތަކީ ގުރާބު އިންވެސްޓްމަންޓު މޯލްޑިވްސްގެ މިލްކުވެރިކަން މިހާރު އޮތް ޓްރެޝަރ ބިޒް އިންޓަރނޭޝަނަލް ކަމުގައި ވުން.

ސިވިލް ކޯޓުން ޙުކުމް ކޮށްފައި ވަނީ ޤާނޫނީ ހަމަތަކާ އެއްގޮތަށް ނޫން ކަމަށް ބުނެ ދައުލަތުގެ ފަރާތުން އެ ޙުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ.

ހައިކޯޓުން ނިންމިގޮތް

ދައުލަތުގެ ފަރާތުން އިސްތިއުނާފު ކުރި މައްސަލަ ބަލާފައި ވަނީ ހައިކޯޓުގެ ނަންބަރު 2016/HC-A/295 ޤަޟިއްޔާއިންނެވެ. ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމް ބާޠިލުކޮށް ހައިކޯޓުން އެ ޤަޟިއްޔާގައި ޙުކުމް ކޮށްފައިވެއެވެ.

ހައިކޯޓުން އެ ޙުކުމަށް ވާސިލުވެފައި ވަނީ އަންނަނިވި ކަންތައްތަކުގެ މައްޗަށް ބިނާކޮށެވެ.

ރ. ތާވަތާ އެވޯޑުކޮށް ފުއާދު ޒާހިރުއަށް ފޮނުވާފައިވާ ސިޓީ ގުރާބު އިންވެސްޓްމަންޓު މޯލްޑިވްސްގެ މިހާރުގެ ވެރިފަރާތް ކަމުގައިވާ ޓްރެޝަރ ބިޒް އިންޓަރނޭޝަނަލްއަށް ބަދަލުކޮށް އަލުން އެވޯޑުކޮށް ދިނުމަށް އެދި ޓްރެޝަރ ބިޒް އިންޓަރނޭޝަނަލްއިން09 ސެޓެންބަރު 2015 ގައި މިނިސްޓްރީއަށް ސިޓީ ފޮނުވިއިރު، ރ. ތަވަތާގެ ސެކިއުރިޓީ ޑިޕޮސިޓް ފައިސާ ދެއްކުމަށް ފުއާދު ޒާހިރުއަށް ދެވިފައިވާ މުއްދަތު ހަމަވެފައި ވުން؛

ރ. ތަވާތާ ކުއްޔަށް ދިނުމަށް ނިންމި ނިންމުން އެންގުމަށް މިނިސްޓްރީން ފޮނުވި އެވޯޑު ލެޓަރގައި 7 (ހަތެއް) ދުވަސް ތެރޭގައި ޑިޕޮސިޓް ފައިސާ ދެއްކުމަށާއި، އެ ފައިސާ އެ މުއްދަތުގައި ދައްކާފައިނުވާނަމަ، އެ ސިޓީ ބާޠިލުވާނެ ކަމަށް ބަޔާންކޮށްފައިވާއިރު، އެ މުއްދަތުގެ ތެރޭގައި ފައިސާ ދެއްކިފައިނުވުން؛

ޑިޕޮސިޓް ފައިސާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ބަލައިގެންފައި ނުވަނީ ޤަބޫލުކުރެވޭފަދަ ހަމައެއްގެ މައްޗަށް ބިނާކޮށް ކަން ދައުލަތުގެ ފަރާތުންނާއި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ދީފައިވާ މަޢުލޫމާތާއި، މައްސަލައިގެ ކަން ހިނގާފައިވާ ގޮތަށް ބަލާއިރު އެނގެން އޮތުން؛

އެއްބަސްވުމަކީ ޤާނޫނުގައި އެހެން ގޮތަކަށް ކަނޑަނާޅާނަމަ ވަކި ގޮތަކަށް އޮތުން ލާޒިމު އެއްޗެއް ނޫންކަން ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، މައްސަލައިގައި ހިމެނޭ މުޢާމަލާތަކީ ޓޫރިސްޓު ރިޒޯޓު ހެދުން ފިޔަވައި އިޤްތިސާދީ އެކިއެކި މަސައްކަތް ކުރުމަށް ފަޅުރަށެއް ކުއްޔަށް ދިނުމާބެހޭ މުޢާމަލާތެއް ކަމުން، މި މުޢާމަލާތުގެ މައްޗަށް ހިނގާނީ ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނު ކަމުގައި ވުން؛

ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނުގެ ދަށުން ފަޅުރަށްރަށް ކުއްޔަށް ދޭންވާނީ ކުއްޔަށް ހިފާ ފަރާތާއި ކަމާބެހޭ މިނިސްޓްރީއާ ދެމެދު ކުރާ އެއްބަސްވުމެއްގެ ދަށުން ކަމަށާއި، އެފަދަ އެއްބަސްވުމެއްގައި ހިމެނިފައި ހުންނަން ޖެހޭނެ ކަންތައްތައް އެ ޤާނޫނުގެ 14 ވަނަ މާއްދާގައި ބަޔާންކޮށްފައިވުމުން، މިފަދަ އެއްބަސްވުންތަކަކީ ވަކި ކަންތައްތަކެއް ހިމެނި، ލިޔެވި އަދި ދެ ފަރާތުން ސޮއިކޮށްގެން ވަކިގޮތަކަށް އޮތުން ލާޒިމު އެއްބަސްވުންތަކެއް ކަން ސާފުކޮށް އެނގެން އޮތުން؛

މައްސަލައިގައި ހިމެނޭ ދެ ފަރާތުގެ ދެމެދުގައި ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނުގައި ބުނެފައިވާ އެންމެހައި ކަންތައްތައް ހިމެނި އެފަދައިން އެއްބަސްވުމެއް ސޮއިކުރެވިފައިނުވުމުން، ދެ ފަރާތުގެ ދެމެދުގައި ބަނދެވިފައިވާ އެއްބަސްވުމެއް ވުޖޫދުވެ ޤާއިމުވެފައިވާ ކަމަށް ސިވިލް ކޯޓުން ނިންމާފައި ވަނީ ރަނގަޅަށް ނޫން ކަމުގައި ވުން.

ހައިކޯޓުގެ ނަންބަރު 2016/HC-A/295 ޤަޟިއްޔާ ނިންމާފައި ވަނީ ޤާނޫނާ އެއްގޮތަށް ނޫން ކަމަށް ބުނެ ޓްރެޝަރ ބިޒް އިންޓަރނޭޝަނަލްއިން ސުޕްރީމް ކޯޓުގައި އެ ޤަޟިއްޔާ އިސްތިއުނާފު ކޮށްފައިވެއެވެ.

ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ނުކުތާތަކާއި އެ ނުކުތާތަކަށް ދީފައިވާ ރައްދު

އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފު ކޮށްފައި މިވާ ހައިކޯޓުގެ ޤަޟިއްޔާ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަމުން ހުށަހަޅާފައިވާ ނުކުތާތަކާއި އެ ނުކުތާތަކަށް އިސްތިއުނާފު ރައްދުވާ ފަރާތުން ދީފައިވާ ރައްދުތައް ތިރީގައި އެ ވަނީ އެވެ.

އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ފުރަތަމަ ނުކުތާއަކީ: މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ދީފައިވާ މަޢުލޫމާތާއި ދައުލަތުން ދައްކާފައިވާ ވާހަކަތާކާއި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ޑިޕޮސިޓް ފައިސާ ބަލައިގެންފައި ނުވަނީ، ޤަބޫލުކުރެވޭފަދަ ހަމައެއްގެ މައްޗަށް ބިނާކޮށް ކަމަށް ހައިކޯޓުން ކަނޑައަޅާފައި ވަނީ، ފައިސާ ދެއްކުމަށް މަސައްކަތް ކުރުމުން ކަން ހިނގާފައިވާ ގޮތަށާއި، ގުރާބު އިންވެސްޓްމަންޓު މޯލްޑިވްސް، ޓްރެޝަރ ބިޒް އިންޓަރނޭޝަނަލްގެ މިލްކުވެރިކަމުގެ ދަށަށް ދިޔަދިޔުމާއި، އަދި ދައުލަތުން އެކަމާމެދު އިންކާރުކޮށްފައިނުވާ ކަމުގެ މައްޗަށް ރިޢާޔަތްކުރުމަކާ ނުލައި ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

މި ނުކުތާއަށް ރައްދުދެމުން އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވާ ވާހަކަތަކަށް ބަލާއިރު:

ގުރާބު އިންވެސްޓްމަންޓު މޯލްޑިވްސް، ޓްރެޝަރ ބިޒް އިންޓަރނޭޝަނަލްގެ މިލްކުވެރިކަމުގެ ދަށަށް ދިޔަކަން މިނިސްޓްރީއަށް އަންގާފައި ވަނީރ. ތާވަތާގެ ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމަށް ދެވިފައިވާ މުއްދަތު ހަމަވުމަށް ފަހު ކަމަށާއި؛

މިނިސްޓްރީ އާއި ގުރާބު އިންވެސްޓްމަންޓް މޯލްޑިވްސްއާ ދެމެދު ވިޔަފާރީގެ މުޢާމަލާތްތައް ކުރެވެމުން ދަނިކޮށް، ގުރާބު އިންވެސްޓްމަންޓް މޯލްޑިވްސްގެ މިލްކުވެރިކަން ނުވަތަ މަސްއޫލުވެރިކަން ނަގުލުވުމުން، އެކަމުގެ މަޢުލޫމާތަކީ އެ ހިނދުން އެ ހިނދަށް މިނިސްޓްރީއަށް އަންގަން ޖެހޭ މަޢުލޫމާތެއް ކަމަށާއި، އެ މަޢުލޫމާތު އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އަންގާފައިނުވާ ކަމަށާއި، އެފަދައިން މަޢުލޫމާތު ޙިއްޞާކޮށްފައި ނުވަނީ ފުއާދު ޒާހިރު އާއި ޓްރެޝަރ ބިޒް އިންޓަރނޭޝަނަލްގެ އިހުމާލުން ކަމަށާއި، ދެ ފަރާތުގެ ދެމެދުގައި ޚުޞޫމާތެއް އުފެދެން މެދުވެރިވި ސަބަބަކީ އެ މަޢުލޫމާތު ޙިއްޞާ ކޮށްފައިނުވުން ކަމަށާއި،

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއިން ފައިސާ ބަލައިގަނެފައި ނުވަނީ، ރ. ތަވާތާ ގުރާބު އިންވެސްޓްމަންޓް މޯލްޑިވްސްއަށް ކުއްޔަށް ދިނުމަށް މިނިސްޓްރީން ނިންމިއިރު، އެ ވިޔަފާރީގެ ވެރިފަރާތަކީ ފުއާދު ޒާހިރު ކަމުގައި ވެފައި، ޓްރެޝަރ ބިޒް އިންޓަރނޭޝަނަލްއަށް އެ ވިޔަފާރީއާގުޅޭ އެއްވެސް އިލްތިޒާމެއް ނަޤުލުވެފައިނުވާ ކަމަށް އެ އޮތޯރިޓީއަށް ފެނިގެން ކަމަށް އެ އޮތޯރިޓީން ސިވިލް ކޯޓަށް ދީފައިވާ މަޢުލޫމާތުން އެނގެން އޮތުމުން، މި ޚުޞޫމަތް އުފެދި ޝަރީޢަތަށް އަންނަން ޖެހިފައި މި ވަނީ ގުރާބު އިންވެސްޓްމަންޓް މޯލްޑިވްސްގެ މިލްކުވެރިކަން ބަދަލުވިކަމުގެ މަޢުލޫމާތު މިނިސްޓްރީއާ ޓްރެޝަރ ބިޒް އިންޓަރނޭޝަނަލްގެ ފަރާތުން ޙިއްޞާ ކުރުމުގައި އިހުމާވެފައިވުމުގެ ނަތީއްޖާއެއް ގޮތުން ކަމަށް ބުނެފައިވާ ކަން ފާހަގަކުރެވެއެވެ.

އިސްތިއުނާފު ރައްދުވާ ފަރާތުގެ ވާހަކަތަކަށް ރައްދުދެމުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވާ ވާހަކަތަކަށް ބަލާއިރު، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ފައިސާ ބަލައިގަނެފައި ނުވަނީ، ފުއާދު ޒާހިރު ނޫން އެހެން ފަރާތަކުން ފައިސާ ދައްކަން އަންނާތީ ކަމެއް، ފައިސާ ދެއްކުމަށް ދިޔަ އެއްވެސް ފަހަރަކު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ނުވަތަ މިނިސްޓްރީން ބަޔާންކޮށްފައި ނުވާ ކަމަށް ބުނެފައިވާކަން ފާހަގަކުރެވެއެވެ.

އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ދެވަނަ ނުކުތާއަކީ: ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނުގެ 14 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދަ އެއްބަސްވުމެއް ދެ ފަރާތުގެ ދެމެދުގައި ސޮއިކުރެވިފައިނުވާ ކަމަށް ހައިކޯޓުން ކަނޑައަޅާފައި ވަނީ، ރ. ތާވަތާ ކުއްޔަށް ދިނުމާމެދު ދެ ފަރާތުގެ ދެމެދު ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 5 ވަނަ މާއްދާގައި ބުނާފަދައިން ދެ ފަރާތުން އެއްބަސްވެ ޢަމަލުކުރަން ލާޒިމުވެފައިވާ ކަންތައްތަކަށް ދައުލަތުން ޢަމަލުކޮށްފައި ނުވުމުގެ މައްޗަށް ރިޢާޔަތްކުރުމަކާ ނުލައި ކަމަށާއި، އަދި ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނުގެ 14 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދަ އެއްބަސްވުމެއް ދެ ފަރާތުގެ ދެމެދުގައި ވާ ކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިނުވާއިރު، އެފަދަ އެއްބަސްވުމެއް ނެތް ކަމަށް ހައިކޯޓުން ނިންމާފައި ވަނީ މައްސަލައިގެ ވަޤާއިޢުތަކާއި ކަމާގުޅުން ހުރި ޤާނޫނުތައް ނުބައިކޮށް ތަޠުބީޤުކޮށްގެން ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

މި ނުކުތާއަށް ރައްދުދެމުން އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވާ ވާހަކަތަކަށް ބަލާއިރު:

ސިވިލް ކޯޓުގެ ޙުކުމުގައި ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނުގެ 14 ވަނަ މާއްދާގެ އެއްވެސް ބައެއް ހިމެނިފައި ނުވާ ކަމަށާއި، ސިވިލް ކޯޓުގެ ޙުކުމަށް ބަލާއިރު، "އެއްބަސްވުން" ކަމުގައި ބުނެފައި ވަނީ ތަފާތު ދެ އެއްބަސްވުމެއް ކަމުގައި ސާފުނުވާ ކަމަށާއި، އެހެންކަމުން ދާދި އެއް އިބާރާތަކުން ޙުކުމުގައި ދެ ފަހަރު ވެސް އިޝާރާތް ކޮށްފައި ވަނީ އެއް އެއްބަސްވުމަކަށް ކަމަށް ބަލަން ޖެހޭނެ ކަމަށާއި؛

ސިވިލް ކޯޓުން ދެ ފަރާތުގެ ދެމެދުގައި ބަންދެވިފައިވާ އެއްބަސްވުމެއް ކަމުގައި ބުނެފައި ވަނީ، ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނުގެ 14 ވަނަ މާއްދާގައި ގައި ބުނާފަދަ އެއްބަސްވުމެއް ކަން އެ ކޯޓުގެ ޙުކުމަށް ބެލުމުން އެނގޭ ކަމަށާއި، އަދި އެފަދަ އެއްބަސްވުމެއް ޤާއިމުވެފައިވާ ކަމަށް ސިވިލް ކޯޓުން ނިންމާފައި ވަނީ ރަނގަޅަށް ނޫން ކަމަށް ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނުގެ 14 ވަނަ މާއްދާ އާއި ކޮންޓްރެކްޓާބެހޭ ޤާނޫނުގެ ގެ 4 ވަނަ މާއްދާ އާއި ގަޒީރާ ޕްރައިވެޓް ލިމިޓެޑު ވ. ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ޓުރިޒަމް އާރޓްސް އެންޑް ކަލްޗަރ) ޤަޟިއްޔާގައި ހައިކޯޓުން ކަނޑައަޅާފައިވާ އުޞޫލަށް ރިޢާޔަތް ކުރުމުން އެނގެން އޮންނަ ކަމަށާއި؛

ގުރާބު އިންވެސްޓްމަންޓު މޯލްޑިވްސްގެ ފަރާތުން ހުށަހެޅި ހުށަހެޅުން މިނިސްޓްރީން ޤަބޫލުކޮށްފައިވާ ކަމަށް މި މައްސަލައިގައި ސިވިލް ކޯޓުން ޙުކުމް ކޮށްފައި ވީނަމަވެސް، އެ ޤަބޫލު ކުރުމަކީ އެއްވެސް ޤައިދެއް ނެތި ޤަބޫލު ކޮށްފައިވާ ޤަބޫލު ކުރުމެއް ނޫން ކަމަށާއި، އެއީ ވަކި ޝަރުޠަކާއެކު ޤަބޫލުކުރި ކުރުމެއް (conditional acceptance) ކަމަށް ވެފައި، މި ފަދަ ޤަބޫލުކުރުމަކީ ރައްދު ހުށަހެޅުމެއް (counteroffer) އެއް ކަމަށް ބެލެވޭނެ ކަމަށާއި، އެހެންކަމުން ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމެއް ޤާއިމުވާނީ ޤަބޫލު ކުރި ފަރާތުގެ ރައްދު ހުށަހެޅުން، އަސްލު ހުށަހެޅުން ހުށަހެޅި ފަރާތުން ބަލައިގަތުމުން ކަމަށާއި؛

އެހެންނަމަވެސް ރައްދު ހުށަހެޅުމުގައިވާ މުއްދަތުގެ ތެރޭގައި ގުރާބު އިންވެސްޓްމަންޓު މޯލްޑިވްސްގެ ފަރާތުން ޑިޕޮސިޓް ފައިސާ ދައްކާފައިނުވުމުން، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ ގެ 5 ވަނަ މާއްދާގައި ބުނާފަދަ އިޖާބާއި ޤަބޫލު ފުރިހަމަވެފައިނުވާ ކަމަށް ބަލަން ޖެހޭނެ ކަމަށާއި، އެހެންކަމުން ރ. ތަވާތާ ކުއްޔަށް ދިނުމާބެހޭ ކަންކަން ހަމަޖެއްސުމަށް ލާޒިމު ކުރެވޭނެ އެއްވެސް އިލްތިޒާމެއް މިނިސްޓްރީގެ މައްޗަށް އުފަންވެފައި ނުވާ ކަމަށް ބުނެފައިވާކަން ފާހަގަކުރެވެއެވެ.

އިސްތިއުނާފު ރައްދުވާ ފަރާތުގެ ވާހަކަތަކަށް ރައްދުދެމުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވާ ވާހަކަތަކަށް ބަލާއިރު، ސިވިލް ކޯޓުގެ ޙުކުމުގައި ބޭނުންކޮށްފައިވާ އިބާރާތްތަކަށް ދިވެހި ބަހުގެ ހަމަތަކުން ބަލާއިރު، އެއީ ތަފާތު ދެ އެއްބަސްވުމެއްގެ ވާހަކަކަން އެނގޭ ކަމަށާއި، މިނިސްޓްރީން ގުރާބު އިންވެސްޓްމަންޓު މޯލްޑިވްސްއަށް ފޮނުވާފައިވާ އެވޯޑު ލެޓަރގައި ވާ ގޮތަށް ފައިސާ ދައްކަން ދިޔުމުން، އެ ފައިސާ ބަލައިގެންފައިނުވާ ކަން މިނިސްޓްރީއަށް އަންގައި، އެ މައްސަލަ ޙައްލުވަން ދެން އެ ސިޓީގައިވާ 7 (ހަތެއް) ދުވަހުގެ މުއްދަތު ނުގުނުމަށް މިނިސްޓްރީގައި ލިޔުމުން އެދިފައިވާނެ ކަމަށާއި، އެހެންނަމަވެސް މިނިސްޓްރީގެ ފަރާތުން އެއްވެސް ޖަވާބެއް ލިބިފައިނުވާ ކަމަށް ބުނެފައިވާ ކަން ފާހަގަކުރެވެއެވެ.

ވަގުތީ އަމުރު

މި މައްސަލައިގައި ޓެރޝަރ ބިޒް އިންޓަރނޭޝަނަލްއިން އެދިފައިވާ ކަންތައްތަކުގެ މައްޗަށް ބިނާކޮށް، ރ. ތަވަތާ އެހެން ފަރާތަކަށް ދީ ނުވަތަ ކުއްޔަށްދީ ނުވަތަ އެ ނޫން އެހެން ގޮތަކަށް ވެސް އެ ރަށާގުޅޭގޮތުން އެހެން ފަރާތަކާ މުޢާމަލާތެއްކޮށް އެ ރަށުގެ މައްޗަށް އެހެން ފަރާތެއްގެ ޙައްޤެއް އުފަންވެ އަދި، ޓެރޝަރ ބިޒް އިންޓަރނޭޝަނަލްގެ ޙައްޤު އެއްކޮށް ގެއްލިގެން ގޮސްދާނެފަދަ ގޮތަކަށް އެއްވެސް ފަރާތުން ޢަމަލު ނުކުރުމަށް ދައުލަތަށާއި ދައުލަތުގެ ކަމާބެހޭ އެންމެހައި އިދާރާތަކަށް އަންގައި ވަގުތީ އަމުރެއް ނެރެދިނުމަށް ޓެރޝަރ ބިޒް އިންޓަރނޭޝަނަލްގެ ފަރާތުން އެދިފައިވެއެވެ.

ރ. ތަވާތާ މިހާރު ވެސް ވަނީ ފުއާދު ޒާހިރުގެ ބެލުމުގެ ދަށުގައި ކަން ޝަރީޢަތުގައި ފުއާދު ޒާހިރު ބުނެފައިވުމުންނާއި އެފަދައިން ބުނިބުނުމަށް ޝަރީޢަތުގެ މަޖިލީހުގައި ދައުލަތުން އިންކާރުކޮށްފައި ނުވުމުން، މިހާރު އޮތް ޙާލަތަށް ބަލައި ވަގުތީ އަމުރަށް އެދުނު ކަންތައްތަކުގެ މުއާލާތް ކެނޑިފައި ވާތީ، މި މައްސަލައިގައި ޓެރޝަރ ބިޒް އިންޓަރނޭޝަނަލްގެ ފަރާތުން އެދިފައިވާފަދަ ވަގުތީ އަމުރެއް ނެރެދީފައި ނުވެއެވެ.

އެއްބަސްވުމެއް އުފެދިފައިވޭ ތޯ ބެލުން

އެއްބަސްވުމަކީ ޝަރީޢަތާއި ޤާނޫނު ހުއްދަކުރާ މުޢާމަލާތެއް ކުރުމަށް ދެ ފަރާތެއްގެ ދެމެދުގައި ނުވަތަ އެއަށްވުރެ ގިނަ ފަރާތްތަކެއްގެ މެދުގައިވެވޭ އެއްބަސްވުމަކުން ބަނދެވޭ ބަނދެވުމެކެވެ. އެއްބަސްވުމަކަށް ޤާނޫނީ ހައިސިއްޔަތު ލިބިދިނުމަށް އެ އެއްބަސްވުން ޞައްޙަވުމުގެ ޝަރުޠުތައް ފުރިހަމަވުމުގެ އިތުރަށް އެއްބަސްވުމުގެ ރުކުންތައް ފުރިހަމަވެފައިވާ އެއްބަސްވުމަކަށް އެ އެއްބަސްވުން ވާން ޖެހެއެވެ. ޤާނޫނަކުން ވަކިގޮތަކަށް އޮތުން ލާޒިމުނުކުރާހައި ހިނދަކު އެއްބަސްވުމަކީ ވަކި ގޮތަކަށް އޮތުން ލާޒިމު އެއްޗެއް ނޫނެވެ. އެއްބަސްވުމެއްގެ ބައިވެރިންގެ މެދުގައި ޝަރީޢަތާއި ޤާނޫނުގެ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން ވަކި ކަންކަމަކަށް ނުވަތަ ވަކި ގޮތަކަށް އެއްބަސްވެވި، އެއްބަސްވުމެއް ޞައްޙަވުމުގެ ޝަރުޠުތަކާއި އެއްބަސްވުމެއްގެ ރުކުންތައް ފުރިހަމަވާ ހިސާބުން ދެ ފަރާތުގެ ދެމެދުގައި ޤާނޫނީ ގޮތުން ބަނދެވިގެންވާ އެއްބަސްވުމެއް އުފަންވީ ކަމަށް ބަލަންވާނެއެވެ.

މި މައްސަލައިގައި ސިވިލް ކޯޓުން ކަނޑައަޅާފައި ވަނީ ގުރާބު އިންވެސްޓްމަންޓު މޯލްޑިވްސްގެ ފަރާތުން ހުށަހެޅި ހުށަހެޅުން މިނިސްޓްރީން ޤަބޫލުކުރުމާއެކު ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމެއް ޤާއިމުވެފައިވާ ކަމަށެވެ. އެހެންނަމަވެސް މިއާ ޚިލާފަށް ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާ އާއި ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނުގެ 14 ވަނަ މާއްދާއާ ޙަވާލާދީ ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމެއް ޤާއިމުވެފައިނުވާ ކަމަށް ހައިކޯޓުން ނިންމާފައިވެއެވެ. މި މައްސަލައިގައި ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމެއް އުފެދިފައިވޭތޯ ބެލުމަށް މައްސަލައިގައި ކަން ހިނގާފައިވާ ގޮތާއި ކަމާބެހޭ ޤާނޫނުތަކާއި ހުށަހެޅިފައިވާ ލިޔެކިޔުންތައް ބަލައި ދިރާސާކުރިއިރު އަންނަނިވި ކަންތައް ފާހަގަކުރެވެއެވެ.

ޓޫރިސްޓު ރިޒޯޓު ހެދުން ފިޔަވައި އެހެން ކަންކަމަށް ފަޅުރަށްރަށް ކުއްޔަށް ދެވެނީ:

(ހ) ކަމާބެހޭ މިނިސްޓްރީން އާންމުކޮށް އިޢުލާންކޮށްގެން، ކަނޑައެޅިފައިވާ އުޞޫލެއްގެ މަތިން، އެކަށީގެންވާ އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ މީހަކަށް ނުވަތަ ފަރާތަކަށް ދިނުން.

(ށ) ރަށުގައި ކުރަން ބޭނުންވާ ކަމަކާބެހޭ ތަފުޞީލީ ރިޕޯޓަކާއެކު، އެ ރަށަކަށް އެދި ކަމާބެހޭ މިނިސްޓްރީއަށް ހުށަހެޅުމުން، ކަނޑައެޅިފައިވާ އުޞޫލެއްގެ މަތިން އެ ރަށެއް ދިނުން.

މި ދެ ގޮތަށެވެ.

މި މައްސަލައިގައި ގުރާބު އިންވެސްޓްމަންޓު މޯލްޑިވްސްގެ ފަރާތުން ހުށަހެޅި ހުށަހެޅުމަކީ އިސްވެ ބަޔާންވެދިޔަ ޕެރެގްރާފުގެ (ށ) ގައިވާ ފަދަ ހުށަހެޅުމެކެވެ. އެހެންކަމުން، މިއީ ޝަރީޢަތާއި ޤާނޫނު ހުއްދަކުރާ ކަމެއް ކުރުމަށް ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމަކަށް އައުމަށް ހުށަހެޅި ހުށަހެޅުމެއް ކަން އެނގެއެވެ.

ގުރާބު އިންވެސްޓްމަންޓު މޯލްޑިވްސްގެ ހުށަހެޅުމާ އެއްގޮތަށް ރ. ތަވާތާ ގުރާބު އިންވެސްޓްމަންޓު މޯލްޑިވްސްއަށް ކުއްޔަށް ދިނުމަށް މިނިސްޓްރީން ނިންމިކަން އެ މިނިސްޓްރީން ފުއާދު ޒާހިރުއަށް ފޮނުވި ސިޓީން އެނގެއެވެ. އެހެންނަމަވެސް، މިނިސްޓްރީން ސިޓީ ފޮނުވާފައި ވަނީ ގުރާބު އިންވެސްޓްމަންޓު މޯލްޑިވްސްގެ ހުށަހެޅުން އެއްވެސް ޤައިދެއް ނެތި ޤަބޫލުކުރުމަށް ނޫން ކަމަށާއި، އެއީ ވަކި ޝަރުޠުތަކާއެކު ޤަބޫލުކުރި ކުރުމެއް (conditional acceptance) ކަމަށް ދައުލަތުން ބުނެއެވެ.

މިނިސްޓްރީން ފޮނުވި ސިޓީގައި ބަޔާންވެގެން ވަނީ:

"ތިޔަ ފަރާތުގެ ނަމުގައި ރ. އަތޮޅު ތާވަތާގައި އެންވެރިކަމާއި މަސްވެރިކަމާބެހޭ ދިރާސާ ކުރުމަށާއި، މިނަރަލް ވޯޓަރ ފުޅި ބަންދުކުރާ ކާރުޙާނާއެއް ޤާއިމްކުރުމަށާއި، މަސްދޯނ ފަހަރަށް އަދި އާންމުކޮށް ތެޔޮ ގަންނަން ބޭނުންވާ ފަރާތްތަކަށް ތެޔޮ ވިއްކުމަށާއި އަދި މަސްވެރިކަމަށް ބޭނުންވާ އައިސް އުފައްދައި މަސްވެރިންނަށް ވިއްކުމުގެ މަސައްކަތް ކުރުމަށް ބޭނުންވެ، ހުށަހަޅާފައިވާ ހުށަހެޅުން މިމިނިސްޓްރީން ދިރާސާކުރުމަށްފަހު، ހުށަހަޅާފައިވާ ކޮންސެޕްޓާ އެއްގޮތަށް ޕްރޮޖެކްޓު ހިންގުމަށް ރ. ތާވަތާ ތިޔަ ފަރާތަށް 21 (އެކާވިސް) އަހަރު ދުވަހުގެ މުއްދަތަކަށް ކުއްޔަށް ދިނުމަށް ނިންމާފައިވާ ކަމުގައި ދަންނަވަމެވެ.

އަދި، މިރަށުގެ ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި 100,000/- (އެއްލައްކަ) ރުފިޔާ، މިސިޓީގެ ތާރީޚުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކެވުމަށްފަހު، ފައިސާ ދެއްކި ކަމުގެ ސްލިޕް މިމިނިސްޓްރީއަށް ހުށަހެޅުމަށް ދަންނަވަމެވެ. އަދި މިސީޓިގެ ތާރީޚުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި ސެކިއުރިޓީ ޑިޕޮސިޓް ދައްކާފައިނުވާނަމަ، މި ސިޓީ ބާޠިލްވާނެއެވެ."

މިފަދައިންނެވެ.

ގުރާބު އިންވެސްޓްމަންޓު މޯލްޑިވްސްއިން ހުށަހެޅި ހުށަހެޅުމާ އެއްގޮތަށް ރ. ތާވަތާ އެ ކުންފުންޏަށް ކުއްޔަށް ދިނުމަށް މިނިސްޓްރީން ނިންމިނަމަވެސް، އެކަން އަންގަން ފޮނުވި ސިޓީގައި އިތުރު ކަމެއް ޝަރުޠު ކޮށްފައިވާކަމާއި، އެ ޝަރުޠަކީ 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ ރަށުގެ ސެކިއުރިޓީ ޑިޕޮސިޓެއްގެ ގޮތުގައި 100,000/-ރ. (އެއްލައްކަ ރުފިޔާ) ދެއްކުންކަން ފާހަގަކުރެވެއެވެ.

ދިވެހިރާއްޖޭގެ ކޮންޓްކްޓާބެހޭ ޤާނޫނުގެ 8 ވަނަ މާއްދާގައި ބަޔާން ވެގެން ވަނީ؛

"(ހ) ހުށަހެޅުމެއް ޤަބޫލުކުރާކަން ކަނޑައަޅައި ބުނެވިދާނެއެވެ. ނުވަތަ ޢަމަލުކުރާ ގޮތަކުން ޤަބޫލު ކުރާކަން އެގުނީ ކަމަށް ބެލެވިދާނެއެވެ.

(ށ) ޤަބޫލު ކުރުމަށް އިތުރު ގޮތެއް ނުވަތަ ޝަރުޠެއް އޮވެގެން ނުވާނެއެވެ.

(ނ) ހުށަހަޅާ ފަރާތުން އެހުށަހެޅުން ޤަބޫލުކުރާނެ ގޮތް ކަނޑައަޅާފައި އޮވެއްޖެނަމަ، ޤަބޫލު ކުރަންވާނީ އެގޮތަށެވެ."

މިހެންނެވެ.

ކޮންޓްކްޓާބެހޭ ޤާނޫނުގެ 9 ވަނަ މާއްދާގައި ބަޔާން ވެގެންވަނީ،

"ހުށަހަޅާ ފަރާތަށް ޤަބޫލު ކުރާކަން އެންގުމުން، އެޤަބޫލު ކުރުން ފުރިހަމަވީއެވެ."

މިހެންނެވެ.

ކޮންޓްކްޓާބެހޭ ޤާނޫނުގެ 8 ވަނަ މާއްދާގެ (ށ) ގައި ބަޔާންވެގެންވާ ގޮތުން ހުށަހެޅުމެއް ޤަބޫލު ކުރުމުގައި ޝަރުޠެއް އޮވެގެން ނުވާނެއެވެ. ޝަރުޠެއް އޮވެއްޖެ ނަމަ، އެ ހުށަހެޅުން ޤަބޫލުކުރީ ކަމަށް ނުބެލެވޭނެއެވެ. ހުށަހެޅުން ޤަބޫލު ކުރަން ޖެހެނީ ހުށަހެޅި ފަރާތުން ހުށަހެޅި ގޮތަށް އެއްވެސް އުނިއިތުރު ކުރުމެއް ނެތިއެވެ. ވަކި ޝަރުޠަކާއެކު ހުށަހެޅުން ޤަބޫލުކުރާ ކުރުން (conditional acceptance) އަކީ ރައްދު ހުށަހެޅުމެއް (counteroffer) ކެވެ. މި ޙާލަތުގައި، ޤަބޫލު ކުރުން ފުރިހަމަ ވާނީ އަސްލު ހުށަހެޅި ފަރާތުން އެ ޝަރުޠު ފުރިހަމަ ކުރުމުންނެވެ. ހުށަހެޅި ފަރާތަށް އެ ޝަރުޠު ފުރިހަމަ ނުކުރެވިއްޖެނަމަ، ޤަބޫލު ކުރުން ފުރިހަމަ ނުވާނެއެވެ. ނަތީޖާއެއްގެ ގޮތުން އެއްބަސްވުމެއް ވުޖޫދުވެގެން ނާންނާނެއެވެ.

މި މައްސަލައިގައި ގުރާބު އިންވެސްޓްމަންޓު މޯލްޑިވްސްގެ ފަރާތުން ހުށަހެޅި ހުށަހެޅުން މިނިސްޓްރީން ޤަބޫލު ކޮށްފައި ވަނީ ވަކި ޝަރުޠަކާއެކުއެވެ. ޑިޕޮސިޓް ފައިސާ 7 (ހަތެއް) ދުވަސް ތެރޭގައި ދެއްކުމަށް މިނިސްޓްރީން ކަނޑައެޅި ޝަރުޠު، ގުރާބު އިންވެސްމަންޓު މޯލްޑިވްސްއަށް ފުރިހަމަކުރެވިފައި ނުވެއެވެ. އެހެންކަމުން، ހުށަހެޅުމާ ޤަބޫލުކުރުން ފުރިހަމަވެފައި ނުވާތީ، ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމެއް ވުޖޫދުވެގެން އައިސްފައި ނުވެއެވެ.

މީގެ އިތުރުން، ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނުގެ 14 ވަނަ މާއްދާއަށް ބެލުމުން، ފަޅު ރަށްރަށް ކުއްޔަށް ދޭން ވާނީ، ކަމާބެހޭ މިނިސްޓްރީ އާއި ރަށް ކުއްޔަށް ހިފާ ފަރާތާ ދެމެދުގައި ކުރެވޭ އެއްބަސްވުމެއްގެ ދަށުން ކަމާއި، އެފަދަ އެއްބަސްވުންތަކުގައި ހިމަނަންވާނެ ކަންތައްތައް އެ މާއްދާގައި ބަޔާންވެގެން ވުމުން، މިނިސްޓްރީ އާއި ގުރާބު އިންވެސްޓްމަންޓް މޯލްޑިވްސް ނުވަތަ ޓްރެޝަރ ބިޒް އިންޓަރނޭޝަނަލްއާ ދެމެދު ރ. ތާވަތާ ކުއްޔަށް ދިނުމަށް އެއްވެސް އެއްބަސްވުމެއް ވެވިފައިވާނަމަ، އެ އެއްބަސްވުމެއް އޮންނަން ވާނީ ލިޔުމުން ކަން އެނގެއެވެ. އެހެންނަމަވެސް، އެފަދަ އެއްބަސްވުމެއްގައި ދެ ފަރާތުގެ ދެމެދުގައި ސޮއިކުރެވިފައި ނުވާކަން ދެ ފަރާތުގެ ބަހުން އެނގެއެވެ.

އިސްވެ ބަޔާންވެދިޔަ ކަންތައްތައް އެހެން ހުރުމުން، ދެ ފަރާތުގެ ދެމެދުގައި ރ. ތަވާތާ ކުއްޔަށް ދިނުމާގުޅޭ އެއްބަސްވުމެއް އުފެދިފައިވާ ނުވާ ކަމަށް އަހުރެންނަށް ބުރަވެވެއެވެ.

މިނިސްޓްރީން އިހުމާލުވެފައިވޭ ތޯ ބެލުން

ސެކިއުރިޓީ ޑިޕޮސިޓް ފައިސާ ދެއްކުމަށް މިނިސްޓްރީން އެންގި މުއްދަތުގެ ތެރޭގައި އެ ފައިސާ ދެއްކިފައި ނުވަނީ، މިނިސްޓްރީގެ އިހުމާލުން ކަމަށް ޓްރެޝަރ ބިޒް އިންޓަރނޭޝަނަލްގެ ފަރާތުން ބުނެފައިވެއެވެ. އެގޮތުން، ފައިސާ ދައްކަން ދިޔުމުން، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީން ފައިސާ ބަލައިގެންފައި ނުވާކަން މިނިސްޓްރީއަށް އަންގާފައިވާނެ ކަމަށާއި، މިކަމާ ގުޅިގެން މިނިސްޓްރީން ޖަވާބެއް ދީފައިނުވާ ކަމަށް ވެސް އެ ފަރާތުން ބުނެއެވެ.

މިނިސްޓްރީން ރ. ތަވާތާ ކުއްޔަށް ދިނުމަށް ނިންމާފައި ވަނީ "ގުރާބު އިންވެސްޓްމަންޓު މޯލްޑިވްސް" އަށް ކަމަށާއި، ޓްރެޝަރ ބިޒް އިންޓަރނޭޝަނަލްގެ މިލްކުވެރިކަމުގެ ދަށަށް ގުރާބު އިންވެސްޓްމަންޓު މޯލްޑިވްސް ބަދަލުވެފައިވާކަން މިނިސްޓްރީއަށް އަންގާފައި ވަނީ ދެވުނު 7 (ހަތެއް) ދުވަހުގެ މުއްދަތު ފާއިތުވި ފަހުން ކަމަށް ދައުލަތުން ބުނެފައިވެއެވެ.

ރ. ތަވާތާ، ގުރާބު އިންވެސްމަންޓް މޯލްޑިވްސްއަށް ކުއްޔަށް ދިނުމަށް މިނިސްޓްރީން ނިންމާފައިވާކަން އެންގި ތާރީޚު ކަމުގައިވާ 27 އޮގަސްޓު 2015 ގައި ގުރާބު އިންވެސްމަންޓް މޯލްޑިވްސްގެ މިލްކުވެރިކަން ޓްރެޝަރ ބިޒް އިންޓަރނޭޝަނަލްއަށް ބަދަލުކުރެވިފައިވާއިރު، އެކަން މިނިސްޓްރީއަށް ޓްރެޝަރ ބިޒް އިންޓަރނޭޝަނަލްގެ ފަރާތުން އަންގާފައި ވަނީ، ފައިސާ ދެއްކުމަށް ދެވުނު 7 (ހަތެއް) ދުވަހުގެ މުއްދަތު ފާއިތުވި ފަހުން 09 ސެޕްޓެންބަރު 2015 ގައި ކަން ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އެބައޮތެވެ. ގުރާބު އިންވެސްޓްމަންޓު މޯލްޑިވްސްގެ މިލްކުވެރިކަން ބަދަލުވެފައިވާކަން ވަގުތު އޮތްވައި ޓްރެޝަރ ބިޒް އިންޓަރނޭޝަނަލްގެ ފަރާތުން މިނިސްޓްރީއަށް އަންގާފައި ނުވުމުން، މި ކަމުގައި މިނިސްޓްރީގެ އިހުމާލެއް ނެތް ކަމަށް އަހުރެން ދެކެމެވެ.

އިސްވެ ބަޔާންވެދިޔަ ކަންތައްތައް އެހެން ހުރުމާއެކު، ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމެއް ވުޖޫދުވެފައި ނެތުމާއި، އެއްބަސްވުމަކަށް އާދެވިފައި ނުވަނީ މިނިސްޓްރީގެ އިހުމާލުން ކަމަށް ނުވާތީ، އިސްތިއުނާފު ކުރާފަރާތުން އެދިފައިވާ ފަދައިން، ރ. ތަވާތާއާ ގުޅިގެން ދައްކަން ޖެހޭ ޑިޕޮސިޓް ފައިސާ ދެއްކުމުގެ އިންތިޒާމު ހަމަޖައްސައި ދިނުމަށާއި، އަދި އެ ފައިސާ ދެއްކުމުން ރ. ތާވަތާ ކުއްޔަށް ދިނުމާބެހޭ އެއްބަސްވުން ލިޔުމަށް ތިރިކޮށް، އެއްބަސްވުމުގައި ސޮއިކުރުމުގެ އިންތިޒާމުތައް ހަމަޖައްސައި ދިނުމަށް ޝަރީޢަތުން މިނިސްޓްރީއަށް އެންގޭނެ ޤާނޫނީ ހަމައެއް ނެތްކަމަށް އަހުރެންނަށް ބުރަވެވެއެވެ.

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާން ވެދިޔަ ސަބަބުތައް އެގޮތުގެ މަތިން ހުރުމާއެކު، އިސްތިއުނާފުކުރެވުނު ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށް ކޮށްފައިވާ ޙުކުމެއްކަމަށް ބެލެވޭނެ އެއްވެސް ސަބަބެއް ނެތުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/295 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަށް ތާޢީދުކޮށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

އަޒްމިރާލްދާ ޒާހިރުޢަލީ ރަޝީދު ޙުސައިންމުޙައްމަދު އިބްރާހީމް(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ