ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2021] SC 33 · 2019/SC-A/92ސުޕްރީމް ކޯޓު · 25 މާރިޗު 2021

އަޙްމަދު ތިހާމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ސުޕްރީމް ކޯޓު
1 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 25 މާރިޗު 2021ބާވަތް: ޖިނާއީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

2019/SC-A/92

ޝަރީޢަތް ނިމުނުގޮތް

އަޙްމަދު ތިހާމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ފަނޑިޔާރުންގެ މަޖިލިސް

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުފަނޑިޔާރު ޙުސްނުއް ސުޢޫދުނިމުނު ތާރީޚު

25 މާރޗް 2021އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ

2016/HC-A/356އިސްތިއުނާފު ރައްދުވާ ފަރާތް

އިސްތިއުނާފުކުރާ ފަރާތް

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

އަޙްމަދު ތިހާމް،ބުލްބުލްގެ

ޤާނޫނީ ވަކީލު:

ޤާނޫނީ ވަކީލު:

ސީނިއަރ ޕަބްލިކް ޕްރޮސިކިއުޓަރ އޛއ. ޢާއިޝަތު މުޙައްމަދު،

ޕަބްލިކް ޕްރޮސިކިއުޓަރ އޛ. އަޙްމަދު ނައުޝާދު މަޙްފޫޡް ސައީދު، ވިކްޓްރީ

އިބްރާހީމް ޝިޔާމް،

ނަދީމް އިބްރާހީމް، ދަފްތަރު ނަންބަރު 7006/މާލެ،

ޖިނާއީ، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 530 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރު، ކުށުގެ ވެށީގައި ހުރި ހެކި ނެތިކޮށްލުން ނުވަތަ ބަދަލުކުރުން ނުވަތަ ފޮރުވުން ނުވަތަ ފާހަގަނުވާ ގޮތް ހެދުން، ޢަދުލު އިންޞާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށް، ޗެއިން އޮފް ކޮމާންޑް، ޤާނޫނު ނަންބަރު 1/2008 (ސިފައިންގެ ޤާނޫނު) ގެ 8 ވަނަ މާއްދާ އާއި 16 ވަނަ މާއްދާ، ޤާނޫނުލްޢުޤޫބާތުގެ 42 ވަނަ މާއްދާ، ޝަރީޢަތަށް ހުށަހެޅިފައިހުރި ހެކި ނަފީކުރެވޭވަރުގެ ހެކިބަހަކަށް ނުވާނަމަ އެފަދަ ހެކިން ހާޒިރުކުރުން ލާޒިމުނުވާކަން، އެއް ހާދިސާއެއްގައި ހިމެނޭ ފަރާތްތަކަށް ތަފާތު ޙުކުމް އައުން، ކުށުގެ ނިޔަތް (mens rea)، ކުށުގެ ޢަމަލު (actus reus)

އަޙްމަދު ތިހާމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު ޙުސްނުއްސުޢޫދު ތާއީދު ކުރައްވާފައި)

ތަޢާރުފު

2015 ސެޕްޓެމްބަރު 28 ގެ ހެނދުނު 8:00 ހާއިރު، ރިޔާސީ ލޯންޗު، "ފިނިފެންމާ" މާލޭގެ ޢިއްޒުންދީން ފާލަމާ ގާތްކުރި ވަގުތު، ލޯންޗުގެ ތެރެއިން އެއްޗެއް ގޮވައި، ލޯންޗުން ދަތުރުކުރި މީހުންނަށް އަނިޔާވެ، ލޯންޗަށް ގެއްލުންވި ހާދިސާއާ ގުޅިގެން، އަޙްމަދު ތިހާމް ލޯންޗަށް އަރައި، ކުށުގެ ވެށިން ތަކެތި ނެގުމުގައި ކަމާގުޅުންހުރި ވަސީލަތްތައް ބޭނުންކުރުމަކާ ނުލައި، އެއްވެސް ރައްކާތެރިކަމެއް ނެތި މައްސަލައިގެ ހެކީގެ ގޮތުގައި ބޭނުން ކުރެވިދާނެ އެއްޗެހި ކުށުގެ ވެށިން ނަގައިގެން ގެންގޮސްފައިވާތީކަމަށް ބުނެ، އަޙްމަދު ތިޙާމްގެ މައްޗަށް ޤާނޫނުލްޢުޤޫބާތުގެ 530 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރާ ޙަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން ޢަދުލު އިންޞާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާ ކްރިމިނަލް ކޯޓުގެ ނަންބަރު 230/Cr-C/2016 ޤަޟިއްޔާގައި ކޮށްފައިވެއެވެ. ކްރިމިނަލް ކޯޓުގެ ނަންބަރު 230/Cr-C/2016 ޤަޟިއްޔާގައި ޙުކުމް ކުރީ ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުންނާއި ޤަރީނާއިން މިކުށް އަޙްމަދު ތިހާމްގެ މައްޗަށް ސާބިތުވާކަމަށެވެ.

މި ޙުކުމް އަޙްމަދު ތިހާމްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. އަދި ހައިކޯޓުގެ ނަންބަރު 2016/HC-A/356 ޤަޟިއްޔާގައި ކްރިމިނަލް ކޯޓުގެ ޤަޟިއްޔާގެ ޙުކުމުން އަޙްމަދު ތިހާމްގެ މައްޗަށް ސާބިތުވި ބަޔަކީ ޤާނޫނާ އެއްގޮތަށް އޮތް ބަޔެއްކަމަށްވާތީ، އެ ޙުކުމުގެ އެ ބަޔަށް ހައިކޯޓުގައި މައްސަލަ ބެލި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ތާއީދުކުރިއެވެ.

މިއީ ބުނެވުނު ހައިކޯޓުގެ ނަންބަރު 2016/HC-A/356 ގަޒިއްޔާ އިސްތިއުނާފުކުރުމަށް އަޙްމަދު ތިހާމްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، މި ކޯޓުން ބެލި އިސްތިއުނާފީ މައްސަލައެވެ.

ކްރިމިނަލް ކޯޓުން މައްސަލަ ނިންމިގޮތް

ކްރިމިނަލް ކޯޓުގެ ނަންބަރު 230/Cr-C/2016 ގަޒިއްޔާގައި އަޙްމަދު ތިހާމްގެ އިތުރުން، އަޙްމަދު ފަޔާޟް ޢަލީ ރިޟާއާއި މޫސާ ޒަމީރުގެ މައްޗަށްވެސް ޤާނޫނުލްޢުޤޫބާތުގެ 530 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރާ ޙަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން ޢަދުލު އިންޞާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާ ކުރެވުނެވެ. މި ފަރާތްތަކުގެ މައްޗަށް މި ދަޢުވާކުރެވުނީ، މި މީހުންގެ ތެރެއިން އަޙްމަދު ފަޔާޟް ޢަލީ ރިޟާ އެ ސަރަޙައްދަށް ގޮސް، އެތަނުގައި ހަރަކާތްތެރިވަމުންދިޔަ ސިފައިންގެ މީހުންނަށް އަމުރު މަޢުރޫފު ހިންގައި، އެތަން އޭނާގެ ކޮންޓްރޯލްގެ ދަށަށް ގެނައުމަށްފަހު ކުށުގެ ވެށި ރައްކާތެރިކޮށް ބެލެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެކަށީގެންވާ ގޮތެއްގައި އަޅާފައިނުވާތީއާއި، އަޙްމަދު ފަޔާޟް ޢަލީ ރިޟާގެ އަމުރަށް އަޙްމަދު ތިހާމްއާއި، މޫސާ ޒަމީރު ލޯންޗަށް އަރައި، ކުށުގެ ވެށިން ތަކެތި ނެގުމުގައި ކަމާ ގުޅުންހުރި ވަސީލަތްތައް ބޭނުންކުރުމަކާނުލައި، އެއްވެސް ރައްކާތެރިކަމެއް ނެތި މައްސަލައިގެ ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެހި ކުށުގެ ވެށިން ނަގައިގެން ގެންގޮސްފައިވާކަމަށް ބުނެއެވެ. މި ގަޒިއްޔާގައި ޙުކުމްކުރީ މި ތިން މީހުންގެ މައްޗަށްވެސް ކުށް ސާބިތުވާކަމަށެވެ. އަދި އެ ޙުކުމް ބިނާވަނީ އަންނަނިވި ސަބަބުތަކުގެ މައްޗަށެވެ.

4.1 2015 ސެޕްޓެމްބަރު 28 ވަނަ ދުވަހު ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮވުމާއި ގުޅިގެން، އަޙްމަދު ތިހާމް އާއި މޫސާ ޒަމީރު ލޯންޗަށް އަރާފައިވަނީ އަޙްމަދު ފަޔާޟް ޢަލީ ރިޟާގެ އަމުރަށްކަމާއި، ލޯންޗުން ހެކީގެ ގޮތުގައި ބޭނުންކުރެވޭ ތަކެތި ނަގައިގެން ގެންދިޔަކަމާއި، މިކަންކަމާމެދު ދަޢުވާލިބޭ އެއްވެސް ފަރާތަކުން ޚުޞޫމަތެއް އުފައްދާފައިނުވާކަމާއި، ޝަރީޢަތުގެ މަޖިލިހަށް ހެކިބަސްދިން ހެކިންގެ ހެކިބަހުންވެސް އެކަން އެނގެން އޮންނަކަން؛

4.2 އަޙްމަދު ތިހާމްއާއި މޫސާ ޒަމީރު، އެކްސްޕްލޯސިވް އޯޑިނަންސް ޑިސްޕޯސަލް (މީގެ ފަހުން "އީ.އޯ.ޑީ") ޓީމުގެ މެންބަރުންގެ ހައިސިއްޔަތުން ލޯންޗަށް އަރައި ބަލައި ފާސްކުރުމާއި ސާމްޕަލް ނެގުމުގައި ހަރަކާތްތެރިވިއިރު، އަޙްމަދު ތިހާމްއާއި މުސާ ޒަމީރު އަތަށް އެއްވެސް އެއްޗެއް ލައްވާފައިނުވާކަމާއި، ހެލްމެޓާއި ބޮޑީ އާރމާ ބޭނުންކޮށްފައިނުވާކަން ހެކިންގެ ހެކިބަހުން އެނގެން އޮންނަކަމާއި އަދި މިކަމަށް މިދެމީހުންވެސް އިންކާރުކޮށްފައިނުވާކަން؛

4.3 އަޙްމަދު ތިހާމްއާއި މުސާ ޒަމީރު، އީ.އޯ.ޑީ ޓީމުގެ މެންބަރުންގެ ގޮތުގައި ލޯންޗަށް އަރައި މަސައްކަތްކޮށްފައިވަނީ އެކަމާ ގުޅިގެން އީ.އޯ.ޑީ ޓީމުން ޢަމަލުކުރުމަށްޓަކައި ބޭނުންވާ އެކަށީގެންވާ ވަސީލަތްތައް ނެތްކަން އެނގިތިބެ، އެވަގުތު އިސްވެރިންގެ ސަމާލުކަމަށް އެކަން ގެނައުމަކާ ނުލައި، އަދި ހާދިސާ ތަޙުޤީޤުކުރުމުގެ ގޮތުން ސީނަށް ދިޔަ ފުލުހުން ކުށުގެ ވެށީގެ ސަރަޙައްދުގައި ތިއްބާ އެފަރާތްތަކުގެ އެހީތެރިކަންވެސް ހޯދަން އުޅުމަކާނުލައި ކަމާއި، އަދި ކުށުގެ ވެށިން ސާމްޕަލް ނަގައި، އެތަކެތި ތަހުލީލުކުރުމުގެ ގޮތުން ހުޅުލެއަށް ގެންގޮސްފައިވަނީ ތަހުޤީޤީ އިދާރާއެއްގެ މަޝްވަރާއާއި ބެލުމުގެ ދަށުން ނޫންކަން؛

4.4 ފިނިފެންމާ ލޯންޗުން ސާމްޕަލް ނަގައި، ތަހުލީލުކުރުމުގައި އަޙްމަދު ތިހާމް އާއި މުސާ ޒަމީރު ޢަމަލުކުރީ މިމީހުންގެ މައްޗަށްތިބި ވެރިން އަންގައިގެންކަން ހެކިންގެ ހެކިބަހުން އެނގެން ނެތްކަމާއި، މިޢަމަލަކީ ރަނގަޅު ނިޔަތުގައި ކޮށްފައިވާ ކަމެއްނޫންކަން އެނގެން އޮތުމާއި، އަޙްމަދު ތިހާމްއާއި މޫސާ ޒަމީރު ޢަމަލުކޮށްފައިވަނީ ސިފައިންގެ ޤާނޫނުގެ 8 ވަނަ މާއްދާގެ (ބ) ގައިވާގޮތުގެމަތިން ފަރުވާތެރިކަމާއި، ރައްކާތެރިކަމާއި އިޚުލާޞްތެރިކަމާއެކު ނޫންކަން އެނގެން އޮތުމުން، މިއީ ޤާނޫނުލްޢުޤޫބާތުގެ 42 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ޤާނޫނީ ވާޖިބު އަދާކުރުމުގައި ކޮށްފައިވާ ހުއްދަ ޢަމަލެއްކަމުގައި ބެލެވެން ނެތްކަން؛

4.5 މި ދަޢުވާއަށް އަޙްމަދު ތިހާމްއާއި، އަޙްމަދު ފަޔާޟް ޢަލީ ރިޟާއާއި، މޫސާ ޒަމީރު އިންކާރުކުރިނަމަވެސް، މި ތިން މީހުންގެ ވާހަކައަށާއި، ދަޢުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކި ޤަރީނާއަށް ބަލާއިރު، އަޙްމަދު ތިހާމްއާއި މުސާ ޒަމީރު ލޯންޗަށް އަރައި، ކުށުގެ ވެށިން ސާމްޕަލް ނަގައި، އެތަކެތި ތަހުލީލުކުރުމުގެ ގޮތުން ހުޅުލެއަށް ގެންގޮސްފައިވަނީ ތަހުޤީޤީ އިދާރާއެއްގެ މަޝްވަރާއާއި ބެލުމުގެ ދަށުން ނޫންކަމާއި، މައްސަލައިގެ ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެހި ކުށުގެ ވެށިން ނަގައިގެން ގެންގޮސްފައިވާކަން ޝަރީޢަތަށް ސާބިތުވާކަން؛

4.6 މިސަބަބުތަކުގެ މައްޗަށް ބުރަވެ، ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައިވަނީ އަޙްމަދު ތިހާމްއާއި މޫސާ ޒަމީރުގެ މައްޗަށް ކުށް ސާބިތުވަނީ ޤާނޫނުލްޢުޤޫބާތުގެ 530 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރާއި، އެމާއްދާގެ (ށ) ގެ ދަށުން ޖިނާޔަތުގެ 4 ވަނަ ދަރަޖާގައި ކަމަށާއި، އަދި އަޙްމަދު ތިހާމް އާއި މޫސާ ޒަމީރު، މި ކުށް ކުރުމުގެ ކުރިން ޤާނޫނާއި ގަވާއިދަށް ހުރުމަތްތެރިކޮށް ހިތަމުން އައިސްފައިވާތީ، އެ ޤާނޫނުގެ 1104 ވަނަ މާއްދާގެ (ރ) ގެ 3 ވަނަ ނަންބަރުގެ ދަށުން އެއް ދަރަޖަ، އަދި މި ދެމީހުން ކުށުގެ ޢަމަލު ހިންގީ ހުއްދަކުރެވިފައިވާ ދިފާޢެއް އޮތްކަމަށް ޤަބޫލުކުރެވިގެން ކަމަށްވާތީ، 1108 ވަނަ މާއްދާގެ (ހ) ގެ ދަށުން އެއް ދަރަޖަ، އަދި މި ދެ މީހުން ކުށުގެ ޢަމަލުކުރި ގޮތަށް ބަލާއިރު، މާފު ލިބެނިވި ދިފާޢެއް ފުރިހަމަވުމަށް ބޭނުންވާ ޝަރުޠުތަކުގެ ތެރެއިން އެކަށީގެންވާ ގިނަ ޝަރުޠުތަކެއް ފުރިހަމަވެފައިވާތީ، 1109 ވަނަ މާއްދާގެ (ހ) ގެ ދަށުން އެއް ދަރަޖަ، ޖުމްލަ 3 ދަރަޖަ ދަށްކުރުމުން، މި ކުށުގެ އަދަބެއްގެ ގޮތުން 4 (ހަތަރެއް) މަހާއި 24 (ސައުވީސް) ދުވަހުގެ މުއްދަތަށް އަޙްމަދު ތިހާމް އާއި މޫސާ ޒަމީރު ޖަލަށްލުމަށް ޙުކުމްކޮށްފައިވެއެވެ.

ހައިކޯޓުން މައްސަލަ ނިންމިގޮތް

އަޙްމަދު ތިހާމްގެ ފަރާތުން ކްރިމިނަލް ކޯޓުގެ ނަންބަރު 230/Cr-C/2016 ގަޒިއްޔާ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. އަދި ހައިކޯޓުގެ ނަންބަރު 2016/HC-A/356 ގަޒިއްޔާގައި، އެ މައްސަލަ ބެލި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކްރިމިނަލް ކޯޓުގެ ޙުކުމަށް ތާއީދުކޮށް މައްސަލަ ނިންމާފައިވެއެވެ. ހައިކޯޓުން މި ޙުކުމަށް ވާޞިލުވީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބުރަވެއެވެ.

5.1 އަޙްމަދު ތިހާމްގެ މައްޗަށް ދަޢުވާ އުފުލާފައިވަނީ ޤާނޫނުލްޢުޤޫބާތުގެ 530 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ (ށ) ގެ ދަށުންކަމާއި، 2 ވަނަ ނަންބަރުގެ (ށ) ގައި ބަޔާންކޮށްފައިވާ 6 ޢަމަލުން ކުރެ ޢަމަލެއް ނުވަތަ އެއް ޢަމަލަށްވުރެ ގިނަ ޢަމަލު ވިޔަސް ކުރުމަކީ އެ އަކުރުގައި ބުނާ ޢަމަލު ހިންގުނީކަމާއި، އަޙްމަދު ތިހާމްގެ މައްޗަށް ކޮށްފައިވާ ދަޢުވާގެ ސީޣާއަށް ބަލާއިރު، "...ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެހި ކުށުގެ ވެށިން ނަގައިގެން ގެންގޮސްފައިވާތީ..." މިއީ އަޙްމަދު ތިހާމް ކުރިކަމަށް ތުހުމަތު ކުރެވުނު ޢަމަލުކަމާއި، މި ޢަމަލަކީ ޤާނޫނުލްޢުޤޫބާތުގެ 530 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ (ށ) ގައި ބަޔާންކުރާ ޢަމަލުތަކުގެ ތެރެއިން ދެވަނަ ޢަމަލުކަމާއި، އަޙްމަދު ތިހާމްގެ މިޢަމަލަކީ ޝަރީޢަތަށް ހުށަހެޅިދާނެ ހެއްކެއްކަމުގައިވިޔަސް އަދި ނުވިޔަސް މައްސަލައާ ގުޅުންހުރި މާއްދީ ހެކި ބަދަލުކުރުންކަން އެނގޭކަން؛

5.2 ކުށް ކަނޑައެޅުމުގައި ޤާނޫނެއްގައި ވަކި ޚާއްޞަ އިބާރާތެއް ބޭނުންކޮށްފައިވާނަމަ، ދަޢުވާގައި އެކުށް ބަޔާންކުރުމުގައި ޤާނޫނުގައި ބަޔާންކޮށްފައިވާގޮތަށް ބަޔާންކުރުމަކީ އެންމެ ރަނގަޅުގޮތްކަމަށާއި، މި މައްސަލައިގައި ދަޢުވާގެ ސީޣާގައި ކުށުގެ ޢަމަލު ސާފުކޮށް ބަޔާންކޮށްފައި ނެތްނަމަވެސް، އަޙްމަދު ތިހާމްގެ މައްޗަށް ދަޢުވާ އުފުލުނީ ކޮން ކުށެއް ކޮށްގެންކަން ޕްރޮސިކިއުޝަނުން ދީފައިވާ ބަޔާނުގައި ބަޔާންކޮށްދީފައިވާކަމާއި، ތުހުމަތުކުރެވޭ ކުށް ކުރުމުގައި ނުވަތަ ތަފްޞީލެއް ބަޔާންކުރުމުގައި ކުށެއް (mistake) އޮތުމަކީ، އޭގެ ސަބަބުން ދަޢުވާކުރެވިފައިވާ ފަރާތަށް ދަޢުވާ އޮޅިދާނެ ޙާލަތެއްގައި މެނުވީ ދަޢުވާއަށް އަސަރުކުރާނެކަމެއްނޫންކަމީ ޖިނާއީ މައްސަލަތަކުގައި ޝަރީޢަތް ހިންގުމުގައި ބަލައިގަނެފައިވާ އުޞޫލެއްކަން އަދި މިހާރު ޢަމަލުކުރަމުންދާ ޖިނާއީ އިޖުރާއަތުގެ ޤާނޫނުންވެސް ބަލައިގެންފައިވާ ހަމައެއްކަން؛

5.3 ޖިނާއީ މައްސަލަތައް ސާބިތުކުރުމުގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭނުންކުރެވޭ ނިޒާމަކީ އިއްތިހާމީ ނިޒާމާއި ތަޙުޤީޤީ ނިޒާމުގެ މައްސުނި ނިޒާމެއްކަމާއި، ޢަދުލު އިންޞާފު ޤާއިމުކުރުމަށް ވަކި ހެއްކަކު ކޮންމެހެން ހާޒިރުކުރަންޖެހޭ ކަމަށް މައްސަލަ ބަލާ ފަނޑިޔާރަށް ޤަބޫލުކުރެވިއްޖެނަމަ، އެ ހެއްކަކު ފަނޑިޔާރުގެ އިސްނެގުމަށް ހާޒިރުކުރުމަކީ ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބޭނުމަށް ފަނޑިޔާރަށް ލިބިފައިވާ އިޚްތިޔާރެއްކަމާއި، މިކަމަކީ އިއްތިހާމީ ނިޒާމުގައިވެސް ބަންދުކޮށްފައިވާ ދޮރެއް ނޫންކަމުން މި މައްސަލައިގައި ފަނޑިޔާރުގެ އިސްނެގުމަށް ހެކިން ހާޒިރުކޮށްފައިވާނަމަ، އެކަމަކީ ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-A/34 ގަޒިއްޔާ އާ ޚިލާފަށް ކޮށްފައިވާ ކަމެއް ނޫންކަން؛

5.4 މި މައްސަލައިގައި ދެފަރާތުން ދެއްކި ވާހަކަތަކާއި، ހެކިންގެ ހެކިބަހާއި، ޚަބީރެއްގެ ގޮތުގައި ހާޒިރުކުރެވުނު ފަރާތުގެ ބަހުން، އަންނަނިވި ކަންކަމުގައި ހެކި ވަޒަންކުރުމުގައި ޤާނޫނީ އަދި ޝަރުޢީ ގޯހެއް ނެތްކަން:

މި ދަޢުވާގައި ބަޔާންކުރާ ހާދިސާއާ ގުޅިގެން އަޙްމަދު ތިހާމް އީ.އޯ.ޑީ ޓީމުގެ މެންބަރެއްގެ ގޮތުގައި ރިޔާސީ ލޯންޗަށް އެރިކަން

ރިޔާސީ ލޯންޗަށް އެރުމަށްފަހު ސާމްޕަލްގެ ގޮތުގައި ތަކެތި ނެގިކަން

ސާމްޕަލްގެ ގޮތުގައި ނެގި ތަކެތި ރިޔާސީ ލޯންޗުން އަޙްމަދު ތިހާމް ބޭލިކަން

ސާމްޕަލްގެ ގޮތުގައި ނެގި ތަކެތި ރިޔާސީ ލޯންޗުން ބާލައިގެން ހުޅުލެއަށް ގެންދިޔަކަން

އަދި އަޙްމަދު ތިހާމްއާއި އޭނާގެ ޤާނޫނީ ވަކީލު 21 އޭޕްރިލް 2016 ގައި ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދައްކާފައިވާ ވާހަކަތަކަށް، ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަސް ސާފުކޮށް ލިބިފައިވާކަމާއި، މިފަދަ ހާދިސާތަކާ ގުޅިގެން އެ ހާދިސާއެއް ހިނގި ތަނަށް ދިއުމާއި، އެތަން ބަލައި ފާސްކޮށް، އެބާވަތުގެ ދެވަނަ އެއްޗެއް އޮތްތޯ ބެލުމަކީ އީ.އޯ.ޑީ ޓީމުގެ މެންބަރެއްގެ ހައިސިއްޔަތުން ޤާނޫނީ ގޮތުން އަޙްމަދު ތިހާމް ކުރަންޖެހޭ ކަމެއްކަމާއި، ނަމަވެސް އީ.އޯ.ޑީ ޓީމުގެ މަސްއޫލިއްޔަތުގެ ތެރޭގައި ސާމްޕަލް ނަގައިގެން އެހެންތަނަކަށް ގެންދިއުމާއި އެހެން ތަނެއްގައި އެތަކެތި ތަހްލީލުކުރުމާއި، މިކަންކަން ހިމެނިފައި އޮތްކަން ނުވަތަ ނޫންކަން ހެކިންގެ ހެކިބަހުން ޝަރީޢަތަށް ސާބިތުވާންޖެހޭކަން؛

5.5 2011 ވަނަ އަހަރުން ފެށިގެން އެކުލަވާލެވި ޢަމަލުކުރަމުންދާ "ދިމާވެދާނެ ބޮމުގެ ހަމަލާއެއްގައި އީ.އޯ.ޑީ ޓީމު މަސައްކަތްކުރަންޖެހޭ ގޮތް" މި އުޞޫލާމެދު އުފެދިފައިވާ ދެބަސްވުން އެއްފަރާތް ކުރުމަށްފަހު، ލިޔެފައި އޮތް ޕްރިސީޖަރ އެއް ނެތްކަމުގައި ބެލިނަމަވެސް ހުނަރުވެރި މަސައްކަތެއްކުރާ މީހެއްގެ ކިބައިން ފެނިގެންދާންޖެހޭނެ އެންމެ ދަށް މިންގަނޑަކީ މިފަދަ ޙާލަތްތަކުން ބަލަންޖެހޭ މިންގަނޑުކަމާއި، މިގޮތުން ވަކި ހުނަރެއް ހުރި މީހެއްގެ ފަރާތުން އެކަމެއްގެ މައްޗަށް ރިޢާޔަތްތެރިކަމާއި ލަޔާޤަތްތެރިކަން ފެންނަން ޖެހޭނީ ޢާންމު ފަރުދެއްގެ ފަރާތުން އެފަދަ ކަމަކާއި ގުޅިގެން ފެނިގެންދާނެ މިންވަރަށްވުރެ މަތީ މިންވަރެއްގެ ރިޢާޔަތްތެރިކަމާއި ލަޔާޤަތްތެރި ކަމެއްކަމާއި، ވަކި ދާއިރާއަކުން ހުނަރު ލިބި މަސައްކަތްކުރާ މީހެއްނަމަ، އެ ހުނަރެއް ލިބި މަސައްކަތްކުރާ އާދައިގެ މީހެއްގެ ކިބައިން ފެންނާނެ ރިޢާޔްތެރިކަމާއި ލަޔާޤަތްތެރިކަން އެ މީހާގެ އެ މަސައްކަތުގައި ބެހެއްޓިކަން އެނގެން އޮތުން؛

5.6 މި މައްސަލައިގައި ހެކިންގެ ހެކިބަހުންނާއި އަޙްމަދު ތިހާމް ދައްކާފައިވާ ވާހަކަތަކުން އެނގެން އޮތީ، މި ހާދިސާ ހިނގުމާއި ގުޅިގެން ފުރަތަމަވެސް ކޮމާންޑު އައީ ހާދިސާ ހިނގި ލޯންޗުން އެއްވެސް މީހަކު ފޭބުން މަނާކުރިކަމަށް ބުނާ އަމުރެއްކަމާއި، ދެވަނައަށް އައި އަމުރަކީ އެއްވެސް މީހަކު ލޯންޗަށް އެރުން މަނާކުރުމުގެ އަމުރެއްކަމާއި، އީ.އޯ.ޑީ ޓީމުން ރިޔާސީ ލޯންޗަށް އެރުމަށްފަހުވެސް އެ ލޯންޗުން މަދަނީން ހުސްކޮށްފައިނުވާކަމާއި، އީ.އޯ.ޑީ ޓީމުން ރިޔާސީ ލޯންޗަށް އެރީ އެފަދަ ހާދިސާއެއްގައި ދެވަނަ އެއްޗެއް ގޮވާފާނެކަމަށް ބެލެވޭ ވަގުތަށްވުރެ މާފަހުގެ ވަގުތެއްގައި ކަމަށް އަޙްމަދު ތިހާމްގެ ފަރާތުން ބުނެފައިވާއިރު، އެހާލަތުގައި ތަޙުޤީޤު އިދާރާތަކާއި ނުގުޅި އީ.އޯ.ޑީ ޓީމުން އަމިއްލައަށް ސާމްޕަލްނަގައި އަމިއްލައަށް ތަޙުޤީޤުކުރީ އެކަމުގެ ޤާނޫނީ ޒިންމާ އޮވެގެންނޫންކަން ޚަބީރެއްގެ ގޮތުގައި ހެކިބަސްދިން ފަރާތުގެ ބަހުން އެނގެން އޮތްއިރު، މިގޮތަށް މަސައްކަތްކުރީ އިސްވެރިން އަންގައިގެން ކަމަށްބުނެ ނަގާ ދިފާއު އަޙްމަދު ތިހާމްގެ ފަރާތުން އެކަށީގެންވާ ގޮތެއްގައި ބަޔާންކޮށްދީފައިނުވާކަން؛

5.7 މި މައްސަލައާ ގުޅިގެން ހެކި ވަޒަންކޮށްފައިވާގޮތަށް ބަލާއިރު ޤާނޫނީ ހަމައަކާއި ޚިލާފުވެފައިވާކަމަށް އަޙްމަދު ތިހާމްއަށް ބަޔާންކޮށްދެވިފައިނުވާކަމާއި، ދަޢުވާގައި ބަޔާންކުރާ ކަންކަން ޝަރީޢަތަށް ސާބިތުވެފައިވަނީ ހެކިންގެ ހެކިބަހުގެ އިތުރުން އަޙްމަދު ތިހާމް ޝަރީޢަތުގެ މަޖިލިހުގައި ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބުރަވެ ކަމަށްވީއިރު، އަޙްމަދު ތިހާމްގެ ފަރާތުން އެދިފައިވަނީ ޚަބީރެއް ހާޒިރުކޮށްދިނުމަށްކަން އެނގެން އޮންނައިރު، ޝަރީޢަތުގެ އިސްނެގުމުގެ މަތިން ހާޒިރުކުރެވުނު ޚަބީރާއި ސުވާލުކުރުމުގެ ފުރުޞަތު އަޙްމަދު ތިހާމްއަށް ލިބިދީފައިވާތީ، އަޙްމަދު ތިހާމްގެ މައްޗަށް ކުށް ސާބިތުކުރެވިފައިވަނީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އާ ޚިލާފަށްކަމަށް ބަލާނެ ތަނެއް ނެތްކަން.

މި ސަބަބުތަކުގެ މައްޗަށް ބުރަވެ، ހައިކޯޓުގައި މައްސަލަ ބެލި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ޙުކުމްކޮށްފައިވަނީ ކްރިމިނަލް ކޯޓުގެ ނަންބަރު 230/Cr-C/2016 ގަޒިއްޔާގެ ޙުކުމުގައި އަޙްމަދު ތިހާމްގެ މައްޗަށް ކުށް ސާބިތުވާކަމަށް އޮތް ބަޔަށް ތާއީދުކޮށްފައެވެ.

ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވުނު ނުކުތާތައް

ހައިކޯޓުގެ ނަންބަރު 2016/HC-A/356 ގަޒިއްޔާ އިސްތިއުނާފުކުރުމަށް އަޙްމަދު ތިހާމްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ. އެގޮތުން ސުޕްރީމް ކޯޓަށް ހުށަހެޅި "އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމް" ގައި އަޙްމަދު ތިހާމުގެ ފަރާތުން ޖުމްލަ 6 (ހައެއް) ނުކުތާއެއް ހުށަހެޅިއެވެ. އެހެންނަމަވެސް އެ ފޯމުގައި 2 ވަނަ އަށް، 3 ވަނަ އަށް އަދި 4 ވަނަ އަށް ހުށަހެޅި ނުކުތާތައް އުނިކޮށްދިނުމަށްޓަކައި ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި އަޙްމަދު ތިހާމްގެ ފަރާތުން އެދުމުން، މި މައްސަލައިގައި ރިޢާޔަތްކޮށްފައިވާނީ ބާކީ އޮތް 3 (ތިނެއް) ނުކުތާއަށެވެ. އެ ނުކުތާތަކަކީ؛

7.1 އަޙްމަދު ތިހާމްގެ މައްޗަށް ޢަދުލު އިންޞާފު ޤާއިމުކުރުމަށް ހުރަސް އެޅުމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅާފައިވަނީ ޤާނޫނުލްޢުޤޫބާތުގެ 530 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގައި ބަޔާންކުރާ ކޮން ޢަމަލެއް ކޮށްގެންކަން ޝަރީޢަތުގެ އެއްވެސް މަރުޙަލާއެއްގައި ބަޔާންކޮށްފައިނުވާއިރު، ޤާނޫނުލްޢުޤޫބާތުގެ 530 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރަށް ފުރިހަމައަށް ރިޢާޔަތްކުރުމެއްނެތި، އެ މާއްދާއާ ޚިލާފަށް ހައިކޯޓުގެ ގަޒިއްޔާގައި ޙުކުމްކޮށްފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ؛

7.2 އަޙްމަދު ތިހާމްގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅުނު ގަޒިއްޔާގައި ޝަފަހީ އަދި ކިތާބީ ހެކި ބަލައިގަތުމާއި، ހުށަހެޅިފައިވާ ހެއްކާމެދު ޠައުނު ކުރުމާއި، ދިފާއީ ހެކިން ހާޒިރުކުމުގެ ފުރުޞަތު ލިބިދިނުމަގައާއި، ހެކި ވަޒަންކުރުމުގައި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުން ޢަމަލުކޮށްފައިވަނީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އާއި ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަލީ ޙަސަން (2013) ގަޒިއްޔާއިން ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ؛

7.3 ކްރިމިނަލް ކޯޓުގެ ނަންބަރު 230/Cr-C/2016 ގަޒިއްޔާއަކީ އެއް ހާދިސާއަކާ ގުޅިގެން އެއް ހެކިތަކަކަށް ބިނާކޮށް، ތިން މީހެއްގެ މައްޗަށް ދަޢުވާކޮށްފައިވާ މައްސަލައަކަށްވާއިރު، އެ ގަޒިއްޔާގެ ޙުކުމުގައި ހިމެނޭ އަޙްމަދު ފަޔާޟް ޢަލީ ރިޟާއާއި މޫސާ ޒަމީރުގެ ބައި ބާޠިލުކަމަށް ކަނޑައެޅުމުގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/322 ގަޒިއްޔާ އާއި ނަންބަރު 2016/HC-A/336 ގަޒިއްޔާއިން ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށް ހަމަ އެއް ކަންތައްތަކެއްގައި ތަފާތު ގޮތެއް ކަނޑައަޅައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާއި ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-SJ/03 އަމުރާއި ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) އާ ޚިލާފަށް މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.

އިސްތިއުނާފީ ނުކުތާތަކަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދީފައިވާ ރައްދު

އަޙްމަދު ތިހާމްގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ރައްދު ދެމުން ބުނެފައިވަނީ، އަހްމަދު ފަޔާޟް ޢަލީ ރިޟާއާއި މޫސާ ޒަމީރުގެ މައްޗަށް ހުށަހެޅި މައްސަލައަކީ ދައުލަތުން އަޙްމަދު ތިހާމްގެވެސް މައްޗަށް ހުށަހަޅާފައިވާ މައްސަލަކަމުން، އަދި އެ މައްސަލައިގައި ދަޢުވާ އުފުލާފައިވަނީ އެއް ހާދިސާއަކާ ގުޅިގެން ކަމަށްވާތީ އާއި އަދި ދަޢުވާކޮށްފައިވަނީ އެއް ސަބަބުތަކެއްގެ މައްޗަށް ކަމަށްވެފައި، މޫސާ ޒަމީރުގެ ފަރާތުން ނަގާފައިވާ ސިފައިންގެ ޤާނޫނުގެ 8 ވަނަ މާއްދާ އާއި އެ ޤާނޫނުގެ 16 ވަނަ މާއްދާގެ ދަށުން "ޗެއިން އޮފް ކޮމާންޑް" ގެ ދިފާޢު މޫސާ ޒަމީރަށް ލިބިގެންވާކަމަށް ހައިކޯޓުން ކަނޑައަޅާފައިވާތީ، އަޙްމަދު ތިހާމްއަށްވެސް މި ދިފާޢު ލިބިގެންވާކަމަށް ކަނޑައަޅައިދިނުމަށެވެ. އަދި މި ދިފާޢުއަކީ ދަށު މަރުޙަލާތަކުގައި އަޙްމަދު ތިހާމްގެ ފަރާތުންވެސް ނަގާފައިވާ ދިފާޢެއްކަން ފާހަގަކޮށްފައިވެއެވެ.

ރިޔާސީ ލޯންޗުގައި އެއްޗެއް ގޮވި ހާދިސާއާ ގުޅިގެން އެ ލޯންޗުގައި ހަރަކާތްތެރިވި އެހެން ސިފައިންގެ މީހުންގެ މައްޗަށް ހުށަހެޅުނު މައްސަލަތައް

ރިޔާސީ ލޯންޗުގައި އެއްޗެއް ގޮވި ހާދިސާއާ ގުޅިގެން އަޙްމަދު ތިހާމްގެ އިތުރުން އަޙްމަދު ފަޔާޟް ޢަލީ ރިޟާއާއި މޫސާ ޒަމީރުއާ މިދެ މީހުންގެ މައްޗަށްވެސް ކްރިމިނަލް ކޯޓުގެ ނަންބަރު 230/Cr-C/2016 ގަޒިއްޔާއިން ދަޢުވާކުރިއެވެ. އަދި އަޙްމަދު ތިހާމްއެކޭ އެއްފަދައިން ޢަދުލު އިންސާފަށް ހުރަސް އެޅުމުގެ ކުށް އެ ދެ މީހުންގެ މައްޗަށްވެސް ސާބިތުވިއެވެ. އަޙްމަދު ތިހާމް ފަދައިން އަޙްމަދު ފަޔާޟް ޢަލީ ރިޟާއާއި މޫސާ ޒަމީރުވެސް އެމީހުންގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.

(ހ) އަޙްމަދު ފަޔާޟް ޢަލީ ރިޟާގެ މައްޗަށް ހައިކޯޓުން ކުރި ޙުކުމް

ހުށަހެޅިފައިމިވާ މައްސަލައަށް ބަލާއިރު، އަޙްމަދު ތިހާމްގެ މައްޗަށް ޢަދުލު އިންޞާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާ ދައުލަތުން ކޮށްފައިވަނީ އަޙްމަދު ފަޔާޟް ޢަލީ ރިޟާގެ އަމުރަށް އަޙްމަދު ތިހާމް ރިޔާސީ ލޯންޗަށް އަރައި، ކުށުގެ ވެށިން ތަކެތި ނެގުމުގައި ކަމާ ގުޅުން ހުރި ވަސީލަތްތައް ބޭނުންކުރުމަކާ ނުލައި، އެއްވެސް ރައްކާތެރިކަމެއް ނެތި މައްސަލައިގެ ހެކީގެ ގޮތުގައި ބޭނުން ކުރެވިދާނެ އެއްޗެހި ކުށުގެ ވެށިން ނަގައިގެން ގެންގޮސްފައިވާތީއެވެ.

ކްރިމިނަލް ކޯޓުގެ ނަންބަރު 230/Cr-C/2016 ގަޒިއްޔާގައި އަޙްމަދު ފަޔާޟް ޢަލީ ރިޟާ ރިޔާސީ ލޯންޗު އޮތް ސަރަހައްދަށް ގޮސް، އެތަނުގައި ހަރަކާތްތެރިވަމުން ދިޔަ ސިފައިންގެ މީހުންނަށް އަމުރުމަޢުރޫފު ހިންގައި އެތަން އަޙްމަދު ފަޔާޟް ޢަލީ ރިޟާގެ ކޮންޓްރޯލްގެ ދަށަށް ގެނައުމަށްފަހު، ކުށުގެ ވެށި ރައްކާތެރިކޮށް ބެލެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެކަށީގެންވާ ގޮތުގައި އަޅާފައިނުވާތީ، ޤާނޫނުލް އުޤޫބާތުގެ 530 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ ދަށުން، ޢަދުލު އިންސާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށް އަޙްމަދު ފަޔާޟް ޢަލީ ރިޟާގެ މައްޗަށް ސާބިތުވެފައިވެއެވެ.

އެހެންނަމަވެސް، ހައިކޯޓުގައި އެ މައްސަލަ އަޙްމަދު ފަޔާޟް ޢަލީ ރިޟާގެ ފަރާތުން އިސްތިއުނާފުކުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/322 ގަޒިއްޔާގައި އޭނާގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކަނޑައަޅާފައިވެއެވެ. އެގޮތުން، ރިޔާސީ ލޯންޗުގައި އެއްވެސް ނުރައްކަލެއް ހުރިތޯ ބެލުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (މީގެ ފަހުން "އެމް.އެން.ޑީ.އެފް") ގެ އީ.އޯ.ޑީ ޓީމު އަރުވައި ޗެކު ކުރުމަށް އަޙްމަދު ފަޔާޟް ޢަލީ ރިޟާއަށް ސިފައިންގެ ޔުނިފޯމު އެޅި އެންމެ މަތީ ވެރިޔާ ކަމުގައިވާ ޗީފް އޮފް ޑިފެންސް ފޯސް އެންގުމުން، އެ އެންގުން ތަންފީޒު ކުރުމަށް އީ.އޯ.ޑީ ޓީމަށް އަމުރުކުރިކަމަށާއި، މިފަދަ ޙާލަތެއްގައި ޢަމަލުކުރަންޖެހޭ ގޮތް ލިޔުމުން އެކުލަވާލެވިފައިނުވާކަން ހެކިންގެ ހެކިބަހުން އެނގެން އޮންނަކަމަށާއި، އަދި ޤާނޫނުލްޢުޤޫބާތުގެ 530 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޝަރީޢަތަށް ހުށަހެޅިދާނެ ހެއްކެއް ކަމުގައި ވިޔަސް އަދި ނުވިޔަސް މައްސަލައަކާ ގުޅުންހުރި މާއްދީ ހެކި ނެތިކޮށްލުމާއި، ބަދަލުކުރުމާއި، ފޮރުވުމާއި، ފާހަގަނުވާނެގޮތް ހެދުމާއި، ދޮގު ހެކި ބެހެއްޓުމާއި ދޮގު މަޢުލޫމާތު ދިނުންފަދަ ޢަމަލެއް ކުރުމަށް އަޙްމަދު ފަޔާޟް ޢަލީ ރިޟާ އީ.އޯ.ޑީ ޓީމަށް އަމުރުކޮށްފައިނުވާކަމަށާއި، އަދި އެގޮތަށް އަމުރުކުރިކަމަށް މި މައްސަލައިގައި ހެކިބަސްދިން އެއްވެސް ފަރާތަކުންވެސް ބުނެފައިނުވާއިރު، މިފަދަ ޢަމަލެއް އަޙްމަދު ފަޔާޟް ޢަލީ ރިޟާ ކުރިކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާން ނެތްކަމަށް ހައިކޯޓުގެ މި މައްސަލަބެލި ފަނޑިޔާރުންގެ އަޣުލިބައްޔަތު ރައުޔުގައި ބަޔާންކޮށްފައިވެއެވެ.

ތަފާތުވި ރައުޔުގައި އަޙްމަދު ފަޔާޟް ޢަލީ ރިޟާގެ މައްޗަށް ދަޢުވާކުރެވުނީ ޤާނޫނުލްޢުޤޫބާތުގެ 530 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން ކަމުގައިވާއިރު، އެ ނަންބަރުގައި ބުނާ ކުށުގެ ޢަމަލު (actus reus) ގެ ރުކުން ސާބިތުނުވާކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އަޙްމަދު ފަޔާޟް ޢަލީ ރިޟާގެ މައްޗަށް ތުހުމަތު ކުރެވުނު ޢަމަލަކީ ކުށުގެ ވެއްޓަށް ގޮސް އަމުރުމަޢުރޫފު ހިންގައި ކުށުގެ ވެށި ރައްކާތެރިކޮށް ބެލެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެކަށީގެންވާ ގޮތުގައި އަޅާފައިނުވާކަމަށް ބުނާ ބުނުން ކަމުގައިވާއިރު، އެ ޢަމަލާއި ޤާނޫނުލްޢުޤޫބާތުގެ 530 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބުނާ ހެކި ބަދަލުކުރުމާގުޅޭ ކުށަކާ ގުޅުމެއް ނުވާކަމަށް އެ ރައުޔުގައި ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން، އަޙްމަދު ފަޔާޟް ޢަލީ ރިޟާގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކަނޑައަޅާފައިވަނީ ހައިކޯޓުގައި އެ މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުންނެވެ. މި މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ނުކުރެއެވެ.

އެހެންކަމުން، މިހާރު އޮތް ނަތީޖާއަކީ؛

(ހ) ޤާނޫނުލްޢުޤޫބާތުގެ 530 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން ކުށުގެ ވެށީގައި ހުރި ހެއްކަށް އަޙްމަދު ފަޔާޟް ޢަލީ ރިޟާ އެއްވެސް ބަދަލެއް ގެނެސްފައިވާކަން ސާބިތުނުވާކަމާއި، އަދި

(ށ) ޙަވާލާ ދެވުނު މާއްދާގައި ބުނާ ފަދަ އެއްވެސް ޢަމަލެއް ކުރުމަށް (ކުށުގެ ވެށީގައި ހުރި ހެއްކާ ކުޅެ ބަދަލުކުރުމަށް) އޭނާ އަމުރުކޮށްފައިވާކަންވެސް ސާބިތުނުވާކަމެވެ.

(ށ) މޫސާ ޒަމީރުގެ މައްޗަށް ހައިކޯޓުން ކުރި ޙުކުމް

ހައިކޯޓުގެ ނަންބަރު 2016/HC-A/336 ގަޒިއްޔާގައި މޫސާ ޒަމީރުގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ޙުކުމްކޮށްފައިވަނީ އެ މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުންނެވެ. އެގޮތުން، އެ ޙުކުމުގައި އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ؛

(ހ) ކުށުގެ ވެށިން ސާމްޕަލް ނެގީ މޫސާ ޒަމީރު ނޫންކަމާއި ސާމްޕަލް ނަގާފައިވަނީ މުޙައްމަދު ޒިޔާދުކަމާއި އަދި އޭނާ ހުރީ އަންގި ލައްވައިގެންކަން

(ށ) މޫސާ ޒަމީރު އީ.އޯ.ޑީ ޓީމުގެ މީހެއްގެ ހައިސިއްޔަތުން ލޯންޗަށް އަރައި، ލޯންޗުން ތަކެތި ނަގައި އަދި އެ ތަކެތި ޓެސްޓު ކުރުމަށް ގެންގޮސްފައިވަނީ އަޙްމަދު ފަޔާޟް ޢަލީ ރިޟާގެ އެންގުމަކަށްކަން، އަދި އެފަދައިން ޢަމަލުކޮށްފައިވަނީ ގަވާއިދަކާ ނުވަތަ ލިޔެވި އޭގެ މައްޗަށް ޢަމަލުކުރެވެމުންދާ އުސޫލަކާ ޚިލާފަށްކަން އެނގެން ނެތްކަން

(ނ) ސިފައިންގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކުގެ މައްޗަށް ބަލާއިރު، ސިފައިންގެ ވަޒީފާއަކީ "ޗެއިން އޮފް ކޮމާންޑް" އަށް ތަބާވެ، އެ އަސާސުގެ ދަށުން މަސައްކަތް ކުރަންޖެހޭ ދައުލަތުގެ އެހެން ވަޒީފާތަކާ ޚިލާފަށް އެމީހުން އުފުލަންޖެހޭ މަސްއޫލިއްޔަތުތަކާއި އަދާކުރަންޖެހޭ ވާޖިބުތަކާއި ޒިންމާތައް ތަފާތު ބައެއްކަމާއި، މި މައްސަލައިގައި މޫސާ ޒަމީރު ޢަމަލުކޮށްފައިވަނީ ޗެއިން އޮފް ކޮމާންޑަށް ތަބާވެގެންކަން

(ރ) މި ބާވަތުގެ މައްސަލަތަކުގައި 2011 ވަނަ އަހަރު އެކުލަވާލި އީ.އޯ.ޑީ ޓީމުން ޢަމަލުކުރަންޖެހޭ އުސޫލުތަކެއް އޮންނަކަމަށް ދައުލަތުގެ ފަރާތުން ބުނިނަމަވެސް، އެފަދަ އެއްވެސް އުސޫލެއް ހުށަހަޅާފައިނުވާކަން

(ބ) މޫސާ ޒަމީރުގެ ޢަމަލަކީ މީހަކު ހައްޔަރު ކުރުމަށް ނުވަތަ މީހެއްގެ މައްޗަށް ދަޢުވާ އުފުލުމަށް ނުވަތަ މީހަކު ދިފާޢެއް ހުށަހެޅުމަށް ހުރަސްއެޅުމުގެ މަޤުޞަދުގައި ނުވަތަ އެއިން ކަމެއް ހުއްޓުވުމުގެ މަޤުޞަދުގައި ކޮށްފައިވާ ޢަމަލެއްކަން އެކަށީގެންވާ މިންވަރުގެ ޝައްކެއްނެތި ސާބިތުވާން ނެތްކަން

(ޅ) ސިފައިންގެ ޤާނޫނުގެ 16 ވަނަ މާއްދާގެ (ހ) ގެ ދަށުން ސިފައިންގެ މީހެއްގެ ވެރިއަކަށް ހުރި މީހަކު ކުރާ ޤާނޫނީ އަމުރަކަށް ކިޔަމަންތެރިވުމުގެ ގޮތުން ނުވަތަ ސިފައިންގެ މީހެއްގެ ވާޖިބު އަދާކުރުމުގެ ގޮތުން ޤާނޫނާ ޚިލާފުނުވާ ގޮތުގެ މަތިން ސިފައިންގެ މީހަކު އެމީހެއްގެ ރަސްމީ ހައިސިއްޔަތުން އެއްވެސް ނުބައި ނިޔަތެއް ނެތި ކުރާ ކަމަކާ މެދު ނުވަތަ އެމީހަކު ނުކޮށް ދޫކޮށްލާ ކަމަކާ މެދު އެމީހެއްގެ މައްޗަށް ދަޢުވާއެއް އުފުލިގެން ނުވާނެކަމަށް އޮންނަ އޮތުން.

(ނ) ރިޔާސީ ލޯންޗުގައި އެއްޗެއް ގޮވި ހާދިސާއާ ގުޅިގެން ހައިކޯޓުން ކުރި ޙުކުމްތަކުގެ ނަތީޖާ

އަޙްމަދު ތިހާމްއާއި އަޙްމަދު ފަޔާޟް ޢަލީ ރިޟާ އަދި މޫސާ ޒަމީރުގެ މައްޗަށް ކޮށްފައިވާ ޙުކުމްތަކުގައި ހައިކޯޓު ފަނޑިޔާރުންގެ ޚިޔާލު ތަފާތުވެފައިވާކަން ފާހަގަކުރެވެއެވެ. މި ތިން މީހުންގެ މައްޗަށްވެސް ދަޢުވާކޮށްފައިވަނީ އެއް ހާދިސާއެއްގެ މައްޗަށް ބިނާވެފައިވާ މައްސަލަތަކެއްގައި ކަމުގައި ވިޔަސް، ކޮންމެ މައްސަލައެއްގައިވެސް ހައިކޯޓުގައި އިސްތިއުނާފުކުރި ފަރާތްތަކުގެ މައްޗަށް ކުށް ސާބިތުވާނެ ގޮތް ބިނާވާނީ އޭގެން ކޮންމެ މީހަކު ކުޅަ ޢަމަލުތަކުގެ މައްޗަށެވެ. އަދި މި ބާވަތުގެ މައްސަލަތަކުގައި ޖިނާއީ މަސްއޫލިއްޔަތުވެސް އެކި މީހުން އެކި މިންވަރަށް އުފުލަންޖެހިދާނެއެވެ.

މި ހާދިސާގެ ތިން މައްސަލައިގައިވެސް ހައިކޯޓުގައި މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް ތަފާތުކަން ފާހަގަކުރެވެއެވެ. ނަތީޖާއެއްގެ ގޮތުން، މައްސަލަތަކުގައި ޖިނާއީ މަސްއޫލިއްޔަތު އުފުލުމުގެ މިންގަނޑު ވަޒަންކޮށްފައިވާ ގޮތް އެއްފަރާތް ކުރި ނަމަވެސް، މިއިން ކޮންމެ މައްސަލައެއްގައި ބައެއް ޢާންމު އުސޫލުތައް ތަޠުބީޤުކޮށްފައިވަނީ ތަފާތުކޮށެވެ. އަޙްމަދު ތިހާމްގެ މައްސަލައިގައާއި މޫސާ ޒަމީރުގެ މައްސަލައިގައި ހައިކޯޓުން ޙުކުމްކޮށްފައިވަނީ އެއް ދުވަހެއްގައެވެ. އެއީ 30 އޭޕްރިލް 2019 ގައެވެ. އަޙްމަދު ފަޔާޟް ޢަލީ ރިޟާގެ މައްސަލަ ނިންމާފައިވަނީ އޭގެ މާ ފަހުން 23 ޖުލައި 2019 ގައެވެ.

ކަންމިހެން އޮތްއިރު، ހައިކޯޓުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ކާމިޔާބު ނުވި ދެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިނުވެއެވެ. ކްރިމިނަލް ކޯޓުގައާއި ދިވެހިރާއްޖޭގެ ހައިކޯޓުގައި، މި ތިން މީހުންނާ ދެކޮޅަށް ދައުލަތުން ގަދައަށް ވަކާލާތުކޮށް، އަދި ކްރިމިނަލް ކޯޓުގައި ކުރި ދަޢުވާގެ ސަބަބުން، މި ތިން މީހުންގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ، އެ ޙުކުމްވެސް ތަންފީޒުކޮށް ނިމޭފަހުން ހައިކޯޓުން މައްސަލަތައް ނިންމުމުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ކާމިޔަބު ނުވި ހައިކޯޓުގެ ގަޒިއްޔާތައް އިސްތިއުނާފުކޮށްފައި ނުވުމުގެ އިތުރުން، ކާމިޔާބުވި އަޙްމަދު ތިހާމްގެ މައްސަލައިގައިވެސް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވަނީ، އަނެއް ދެ މައްސަލައިގައި ކުށް ސާބިތުނުވާކަމަށް ކަނޑައަޅާފައި އޮތުމުން، މި މައްސަލައިގައިވެސް އެގޮތަށް ކަނޑައަޅައިދިނުމަށެވެ. އެގޮތުން، "ޗެއިން އޮފް ކޮމާންޑް" ގެ ދިފާޢު އަޙްމަދު ތިހާމްއަށް ލިބިގެންވާކަމަށް ކަނޑައަޅައިދިނުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓުގައި އެދިފައިވެއެވެ.

މި އެދުމާ ގުޅިގެން، ދައުލަތުން މި މީސްމީހުންގެ މައްޗަށް ޖިނާއީ ދަޢުވާއެއްކޮށްފައިވަނީ ތެދު ނިޔަތުގައިތޯއާއި، އެންމެ ފުރަތަމަ މި ތިން މީހުންގެ މައްޗަށް ދަޢުވާކުރެވުނީވެސް ހެކި ނެތީސްތޯ ސުޕްރީމް ކޯޓުން ޕްރިސިކިއުޓަރ ޖެނެރަލްގެ އޮފީހާ ސުވާލުކުރިއެވެ. މި މައްސަލައަކީ 2016 ވަނަ އަހަރުގައި ހުރި ހެކިތަކާއި ޤަރީނާތަކުގެ މައްޗަށް ރިޢާޔަތްކުރެވިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކުރި ދަޢުވާއެއްކަމަށް އެ އޮފީހުން ބުނެފައިވެއެވެ. މި ހެކިތައް މިހާރު ނެތީތޯ ޝަރީޢަތުން ސުވާލުކުރުމުން، މި ހެކިތައް އަދިވެސް އެބަހުރިކަމަށާއި އެހެންނަމަވެސް ޤާނޫނުލްޢުޤޫބާތުގެ 530 ވަނަ މާއްދާގެ ދަށުން ދަޢުވާކުރުމުގައި ބަލާނެ ކަންތައްތަކަކީ ކޮބައިކަން ހައިކޯޓުން އަޙްމަދު ފަޔާޟް ޢަލީ ރިޟާ އިސްތިއުނާފުކުރި މައްސަލައިގައި ކަނޑައަޅާފައިވާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ބުނެފައިވެއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދައްކާފައިވާ މި ވާހަކަތައް ޤާނޫނީ ގޮތުން ދެކޮޅުނުޖެހެއެވެ. އެހެނީ، އަޙްމަދު ފަޔާޟް ޢަލީ ރިޟާގެ މައްޗަށް ތުހުމަތު ކުރެވުނު ޢަމަލަކީ ރިޔާސީ ލޯންޗު އޮތް ސަރަހައްދަށް ގޮސް، އެތަނުގައި ހަރަކާތްތެރިވަމުން ދިޔަ ސިފައިންގެ މީހުންނަށް އަމުރުމަޢުރޫފު ހިންގައި އެތަން އަޙްމަދު ފަޔާޟް ޢަލީ ރިޟާގެ ކޮންޓްރޯލްގެ ދަށަށް ގެނައުމަށްފަހު، ކުށުގެ ވެށި ރައްކާތެރިކޮށް ބެލެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެކަށީގެންވާ ގޮތުގައި އަޅާފައިނުވުން ކަމުގައިވާއިރު، އަޙްމަދު ތިހާމްގެ މައްޗަށް ދަޢުވާ ކުރީ އޭނާ އެ ލޯންޗަށް އަރައި، ކުށުގެ ވެށިން ތަކެތި ނެގުމުގައި ކަމާ ގުޅުންހުރި ވަސީލަތްތައް ބޭނުންކުރުމަކާނުލައި، އެއްވެސް ރައްކާތެރިކަމެއް ނެތި މައްސަލައިގެ ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެހި ކުށުގެ ވެށިން ނަގައިގެން ގެންގޮސްފައިވާތީއެވެ.

އެހެންކަމުން، ޤާނޫނުލްޢުޤޫބާތުގެ 530 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން ކުށުގެ ވެށީގައި ހުރި ހެކި ނެތިކޮށްލުން ނުވަތަ ބަދަލުކުރުން ނުވަތަ ފޮރުވުން ނުވަތަ ފާހަގަނުވާ ގޮތް ހެދުން ފަދަ ޢަމަލުތަކާ، އަޙްމަދު ފަޔާޟް ޢަލީ ރިޟާ އެތަނުގައި އަމުރުމަޢުރޫފު ހިންގިގޮތާ ގުޅުމެއް ނުވާކަމަށް ހައިކޯޓުން ކަނޑައެޅި ކަނޑައެޅުމާއި، އަޙްމަދު ތިހާމް އެ ލޯންޗަށް އަރައި، ކުށުގެ ވެށިން ތަކެތި ނެގުމުގައި ކަމާ ގުޅުންހުރި ވަސީލަތްތައް ބޭނުންކުރުމަކާނުލައި، އެއްވެސް ރައްކާތެރިކަމެއް ނެތި މައްސަލައިގެ ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެހި ކުށުގެ ވެށިން ނަގައިގެން ގެންގޮސްފައިވާކަމަށް ބުނެ ކުރާ ތުހުމަތާ، ޤާނޫނީ ގޮތުން އޮތީ ކޮން ގުޅުމެއްކަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ބުނެދެވިފައިނުވެއެވެ.

ދައުލަތުން ބައެއްގެ މައްޗަށް ޖިނާއީ ދަޢުވާއެއްކޮށް، ކްރިމިނަލް ކޯޓާއި ހައިކޯޓު މަރުހަލާގައި އެމީހުންނާ ދެކޮޅަށް ވަކާލާތުކޮށް، އެކަމަކު ސުޕްރީމް ކޯޓު މަރުހަލާގައި ކުއްލި ގޮތަކަށް ދައްކާ ވާހަކަތައް ބަދަލުކުރުމަކީ ކަންބޮޑުވާންޖެހޭކަމެކެވެ. ދައުލަތުގެ އެއްވެސް މުއައްސަސާއަކުން އެ މުއައްސަސާތަކަށް ލިބިދެވިފައިވާ ބާރުތައް ނަހަމަ ގޮތުގައި ބޭނުންކުރުމަކީ އުސޫލެއްގެ ގޮތުން ކަމާބެހޭ ފަރާތްތަކުން ހަރުކަށި ފިޔަވަޅު އަޅަންޖެހޭކަމެކެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދައްކާފައިވާ ވާހަކަތައް ދެކޮޅު ނުޖެހޭތީ، އެ އޮފީހުގެ ސްޓޭންޑް މިހާރު ބަދަލުވީތޯ ސުޕްރީމް ކޯޓުން މި މައްސަލައިގައި ބޭއްވުނު ދެ އަޑުއެހުމުގައިވެސް ތަކުރާރުކޮށް ސުވާލުކުރުމުން، ދައުލަތުގެ ސްޓޭންޑް ބަދަލުނުވާކަމަށް އެ އޮފީހުންވެސް ތަކުރާރުކޮށް ބުނެފައިވެއެވެ. އަދި ހައިކޯޓުން މި ހާދިސާގައި ނިންމާފައިވާ އަނެއް ދެ މައްސަލަ ނިންމި ގޮތަށް މި މައްސަލަވެސް ނިންމައިދޭން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އެދިފައިވެއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާ ބުނާ ގޮތުން ދިވެހިރާއްޖޭގައި ފަނޑިޔާރުން ޢަމަލުކުރުން ލާޒިމުވަނީ ޤާނޫނުއަސާސީއާއި ޤާނޫނުތަކުގެ މައްޗަށެވެ. އަދި ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގެ ދަށުން މަތީ މަރުހަލާ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށް ވުރެ ދަށު މަރުހަލާ ކޯޓުތަކުން ތަބާވާންޖެހޭނެކަމަށް އޮންނައިރު، ހައިކޯޓުން ނިންމާފައިވާ ގަޒިއްޔާތަކަކަށް ސުޕްރީމް ކޯޓުން ތަބާވުން ލާޒިމުނުވެއެވެ. އެހެންކަމުން، ހައިކޯޓުން އަޙްމަދު ފަޔާޟް ޢަލީ ރިޟާއާއި މޫސާ ޒަމީރުގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކުރި ޙުކުމުގައި ރިޢާޔަތްކުރި އުސޫލުތަކަށް ސުޕްރީމް ކޯޓުން ރިޢާޔަތްކުރާނަމަ، އެކަންކަމަށް ރިޢާޔަތްކުރެވޭނީ އެ އުސޫލުތަކަކީ ހަމަ ޙަޤީޤަތުގައިވެސް ޤާނޫނާ އެއްގޮތަށް ތަޠުބީޤު (apply) ކޮށްފައިވާ އުސޫލުތަކެއްނަމައެވެ.

ދައުލަތުގެ ސްޓޭންޑް ބަދަލުނުވާކަމަށް ދައުލަތުން ތަކުރާރުކޮށް ބުނެފައިވާތީ، މި މައްސަލައިގައި އަޙްމަދު ތިހާމްގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކަށް ޖަވާބު ދިނުމުގެ ކުރިން، މި މައްސަލައިގައި "ޗެއިން އޮފް ކޮމާންޑް" ގެ ދިފާޢު އަޙްމަދު ތިހާމްއަށްވެސް ލިބެންވާނެކަމަށް ދައުލަތުން ބުނާތީ، އެ މައުޟޫޢުއަށް އެންމެ ފުރަތަމަ އަލިއަޅުވާލާނަމެވެ.

ޗެއިން އޮފް ކޮމާންޑްގެ "ދިފާޢު"

(ހ) ޤާނޫނުގައިވާ ގޮތް

އަޙްމަދު ތިހާމްއަށް ޗެއިން އޮފް ކޮމާންޑްގެ ދިފާޢު ސިފައިންގެ ޤާނޫނުގެ 8 ވަނަ މާއްދާއާއި އެ ޤާނޫނުގެ 16 ވަނަ މާއްދާގެ ދަށުން ލިބިދެވެންވާނެކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ބުނާތީ، ހަވާލާ ދެވުނު ދެ މާއްދާއަށް ބަލައިލުން މުހިންމެވެ.

އެގޮތުން، ސިފައިންގެ ޤާނޫނުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ސިފައިންގެ ވާޖިބުތަކެވެ. 8 ވަނަ މާއްދާގެ ދަށުން ސިފައިންގެ ވާޖިބުތަކުގެ ތެރޭގައި ހަ ކަމަކަށް އިޝާރާތްކޮށްފައިވާއިރު، މިތަނުން، ޗެއިން އޮފް ކޮމާންޑްގެ ދިފާޢު ލިބެނީ ކޮން އަކުރެއްގެ ދަށުންކަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފައިނުވެއެވެ. ނަމަވެސް، މިހާރު އިސްތިއުނާފު ކުރެވޭ ހައިކޯޓުގެ ގަޒިއްޔާގައި، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާގެ ތަފާތުވި ރައުޔުގައި، ސިފައިންގެ ޤާނޫނުގެ 8 ވަނަ މާއްދާގެ (ނ) އާއި (ބ) އަށް ހަވާލާދީފައިވެއެވެ. ހަމަ އެހެންމެ، މި ހާދިސާގައި ދެން ދަޢުވާކުރެވުނު މޫސާ ޒަމީރުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރި އެ ކޯޓުގެ ނަންބަރު 2016/HC-A/336 ގަޒިއްޔާގައިވެސް، ސިފައިންގެ ޤާނޫނުގެ 8 ވަނަ މާއްދާގެ (ނ) އާއި (ބ) އަށް ހަވާލާދީފައިވެއެވެ.

ސިފައިންގެ ޤާނޫނުގެ 8 ވަނަ މާއްދާގެ (ނ) ގައިވަނީ އަންނަނިވި ފަދައިންނެވެ.

(ނ) ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއަށާއި ޤާނޫނަށާއި ސިފައިންގެ ގަވާއިދުތަކަށާއި އުސޫލުތަކަށާއި މިކަންކަމާ އެއްގޮތަށް ވެރިން އަންގާ އެންގުންތަކަށާއި ކުރާ އަމުރުތަކަށް ފަސްޖެހުމެއްނެތި ކިޔަމަންތެރިވާ ބައެއް ކަމުގައިވުން

އަދި 8 ވަނަ މާއްދާގެ (ބ) ގައި؛

(ބ) ހަވާލުކުރެވޭ ކޮންމެ ރަސްމީ މަސައްކަތެއްވެސް ފަރުވާތެރިކަމާއި ރައްކާތެރިކަމާއި އިޚްލާސްތެރިކަމާއެކު އަދާކުރުން

މިގޮތަށް ބަޔާންކޮށްފައިވެއެވެ.

ސިފައިންގެ ޤާނޫނުގެ 16 ވަނަ މާއްދާގައި ބަޔާންކުރަނީ ސިފައިންނަށް ލިބިގެންވާ އިމްތިޔާޒެވެ. އެގޮތުން، އެ މާއްދާގެ (ހ) ގައި؛

(ހ) ސިފައިންގެ މީހެއްގެ ވެރިޔަކަށް ހުރި މީހަކު ކުރާ ޤާނޫނީ އަމުރަކަށް ކިޔަމަންތެރިވުމުގެ ގޮތުން ނުވަތަ ސިފައިންގެ ދައުރު އަދާކުރުމުގައި މިޤާނޫނާއި މިޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން، ސިފައިންގެ މީހެއްގެ ވާޖިބު އަދާކުރުމުގެ ގޮތުން ޤާނޫނާ ޚިލާފުނުވާ ގޮތުގެ މަތިން ސިފައިންގެ މީހަކު އެމީހެއްގެ ރަސްމީ ހައިސިއްޔަތުން، އެއްވެސް ނުބައި ނިޔަތެއް ނެތި ކުރާކަމަކާމެދު ނުވަތަ އެމީހަކު ނުކޮށް ދޫކޮށްލާކަމަކާމެދު އެމީހެއްގެ މައްޗަށް އެއްވެސް ދަޢުވާއެއް ނުއުފުލޭނެއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ޤާނޫނުލްޢުޤޫބާތުގެ 42 ވަނަ މާއްދާ ފާހަގަކޮށްފައިވެއެވެ. މި މާއްދާގައި ބަޔާންކުރަނީ ޤާނޫނީ ވާޖިބު އަދާކުރުމަށް ހުއްދަ ޢަމަލުތަކެވެ. ދައުލަތުން ފާހަގަކުރި 42 ވަނަ މާއްދާގެ (ހ) ގައި ދައުލަތުގެ މުވައްޒަފެއްގެ ވާޖިބުތައް ނުވަތަ މަސައްކަތްތައް ބަޔާންކޮށްދީފައިވާ ޤާނޫނަކުން، ނުވަތަ އެފަދަ މުވައްޒަފަކަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ބަޔާންކޮށްދީފައިވާ ޤާނޫނެއްގެ ދަށުން ކުރި ޢަމަލަކަށްވާނަމަ، އެއީ ހުއްދަ ޢަމަލެއްކަމަށް ބަޔާންކޮށްފައިވެއެވެ.

ޤާނޫނުލްޢުޤޫބާތުގެ 42 ވަނަ މާއްދާގެ ދަށުން ހުއްދަ ޢަމަލުތަކުގެ ތެރޭގައި ޖުމްލަ 5 ކަމެއް ފާހަގަކޮށްފައިވެއެވެ. އޭގެ ތެރެއިން 4 ހުއްދަ ޢަމަލެއް ބިނާވަނީ ޤާނޫނަކުން ހުއްދަ ލިބިގެން ކުރެވޭ ޢަމަލުތަކަކަށެވެ. 5 ވަނަ ޢަމަލު ބިނާވަނީ ޝަރުޢީ ޙުކުމަކުން ނުވަތަ އަމުރަކުން ބާރު ލިބިގެން ކުރާ ޢަމަލަކަށެވެ. އެހެންގޮތަކަށް ބުނާ ނަމަ، ޤާނޫނުލްޢުޤޫބާތުގެ މުޅި 42 ވަނަ މާއްދާގެ އަސާސަކީ ޤާނޫނީ އިމުގެ ތެރެއިން، ޤާނޫނީ ވާޖިބު އަދާކުރުމުގެ ގޮތުން ކުރާ ޢަމަލުތަކަކީ ހުއްދަ ޢަމަލުތަކެއްކަމަށް ކަނޑައެޅިގެން ދިއުމެވެ.

ސިފައިންގެ ޤާނޫނުގެ 8 ވަނަ މާއްދާގެ (ނ) ގެ ދަށުން ޤާނޫނުއަސާސީއާއި ޤާނޫނާއި ގަވާއިދާއި އަދި ސިފައިންގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ވެރިން އަންގާ އެންގުންތަކަށާއި ކުރާ އަމުރުތަކަށް ކިޔަމަންވުމަކީ ސިފައިންގެ ވާޖިބެކެވެ. މި އަކުރުގެ ދަށުން އިޝާރާތްކުރަނީ ސިފައިންގެ ވެރިން ޤާނޫނާ އެއްގޮތްވާގޮތުގެ މަތިން އަންގާ އެންގުންތަކާއި ކުރާ އަމުރުތަކަށެވެ. ހަމަ އެގޮތަށް، ސިފައިންގެ ޤާނޫނުގެ 16 ވަނަ މާއްދާގެ (ހ) ގެ ދަށުންވެސް ސިފައިންގެ މީހަކު ކުރާ ޢަމަލަކުން ނުވަތަ ނުކޮށް ދޫކޮށްލާ ކަމަކަށް އިމްތިޔާޒު ލިބެނީ، އެ ކަމަކީ އެއީ ސިފައިންގެ ވެރިޔަކު ކުރާ ޤާނޫނީ އަމުރަކަށް ކިޔަމަންތެރިވުމުގެ ގޮތުން، ނުވަތަ ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން، އެއްވެސް ނުބައި ނިޔަތެއް ނެތި ކުރާ ނުވަތަ ނުކޮށް ދޫކޮށްލާ ޢަމަލުތަކަށެވެ.

އެހެންކަމުން، ޙަވާލާ ދެވުނު ދެ މާއްދާގެ ދަށުން ދިފާޢެއް ނުވަތަ މަންފާއެއް ހޯދަން ސިފައިންގެ މީހަކު ބޭނުންވާނަމަ، އެފަދަ ދިފާޢެއް ނުވަތަ މަންފާއެއް ލިބިގަތުމަށްޓަކައި ސިފައިންގެ މީހަކު ކުރި ޢަމަލަކީ ނުވަތަ ނުކޮށް ދޫކޮށްލި ޢަމަލަކީ ޤާނޫނީ އިމުގެ ތެރެއިން، ޤާނޫނަށް ހުރުމަތްތެރިކޮށް ހިތުމާއެކު ހިނގާފައިވާ ކަމަކަށްވުން ލާޒިމުވެއެވެ.

އަދި ޤާނޫނުލްޢުޤޫބާތުގެ 42 ވަނަ މާއްދާގެވެސް ޢާންމު މަފްހޫމަކީ ހަމަ އެއްކަމެއްކަން ފާހަގަވެއެވެ. އެއީ، އެ މާއްދާގެ ދަށުންވެސް މަންފާ ހޯދަން ބޭނުންވާނަމަ، މަންފާ ހޯދަން އެދޭ ފަރާތެއް ޢަމަލުކޮށްފައިވަނީ ޤާނޫނީ ބާރު ލިބިގެން ޤާނޫނީ އިމުގެ ތެރެއިން ޤާނޫނީ ވާޖިބެއް އަދާކުރުމުގެ ގޮތުންކަން ސާބިތުކޮށްދޭންޖެހެއެވެ.

އެހެންކަމުން، "ޗެއިން އޮފް ކޮމާންޑް" ގެ ދިފާޢު އަޙްމަދު ތިހާމްއަށް ލިބިދެވެންޖެހޭކަމަށް ބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހަވާލާދީފައިވާ ހުރިހާ ޤާނޫނީ މާއްދާތަކެއްވެސް ބިނާވަނީ ޤާނޫނުން ބާރު ލިބިގެން ކުރާ ޢަމަލުތަކެއްގެ މައްޗަށެވެ.

(ށ) ޗެއިން އޮފް ކޮމާންޑްގެ މަފްހޫމް

އަސްކަރިއްޔާއަށް ބަލާއިރު، ޗެއިން އޮފް ކޮމާންޑްގެ ޢާންމު މަފްހޫމްއަކީ ސިފައިންގެ ތެރޭގައި އަމުރުކުރުމުގެ ބާރުތަކާއި މަސައްކަތުގެ ޒިންމާތައް އެންމެ މަތީ ފަޑިން ފެށިގެން ތިރިއަށް ތަރުތީބުވެގެން އަންނަގޮތެވެ. އެގޮތުން، ސިފައިންގެ އެކި މުވައްޒަފުންގެ މައްޗަށް އަމުރުކުރަން ތިބޭ ވެރިން ތަރުތީބުވެގެން އަންނަ ގޮތާއި އެކި ސިފައިން ރިޕޯޓުކުރަން ނުވަތަ ޖަވާބުދާރީވާންޖެހޭ ފަރާތްތައްފަދަ ކަންކަން ހިމެނެއެވެ. ހަނގުރާމައެއްގެ ތެރޭގައި އެކި ޔުނިޓުތަކަށް ސިފައިން ބަހާލެވޭއިރު، އެތަނުން ތަބާވާންވީ ކޮން ވެރިއެއްގެ އަމުރަކަށްކަމާއި އެއް ވެރިއެއްގެ މައްޗަށް ދެން އަމުރުކުރެވޭނީ ކޮންވެރިއަކަށްކަން ފަދަ ކަންކަން މުހިންމުވާނެއެވެ. ހަނގުރާމަވެރި މައިދާނުގައި ޢަމަލުކުރާނެ ޤާނޫނެއް އުސޫލެއް ނޯންނާނެއެވެ. ހަނގުރާމަވެރި މައިދާނެއްގައި އެތައް ސަތޭކަ ނުވަތަ އެތައްހާސް ބަޔަކު ގޮވައިގެން ހަނގުރާމައިގެ އެކި އުކުޅުތައް ތަރުތީބުވެ އިންތިޒާމްކުރަންޖެހޭ އިރު، ކާމިޔާބުކަމާއެކު އެކި ކަންކަން ހާސިލުކުރުމަށްޓަކައި އެންމެ މަތިން ފޭދިގެން އެންމެ ތިރިއަށް އަންނަ އަމުރުތަކަށް ސުވާލުކުރުމެއްނެތި ތަބާވުމަކީ އަސްކަރިއްޔާއިން ޢަމަލުކުރަމުން އަންނަގޮތެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގައި މޫސާ ޒަމީރުގެ މައްސަލަ ބެލި އެ ކޯޓުގެ ނަންބަރު 2016/HC-A/336 ގަޒިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 3.5 ގައި ފާހަގަކޮށްފައިވަނީ، ސިފައިންގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކުގެ މައްޗަށް ބަލާއިރު، ސިފައިންގެ ވަޒީފާއަކީ "ޗެއިން އޮފް ކޮމާންޑް" ގެ މައްޗަށް ތަބާވެ، އެ އަސާސްގެ ދަށުން މަސައްކަތްކުރަންޖެހޭ ދައުލަތުގެ އެހެން ވަޒީފާތަކާ ޚިލާފަށް އެމީހުން އުފުލަންޖެހޭ މަސްއޫލިއްޔަތުތަކާއި އަދާކުރަންޖެހޭ ވާޖިބުތަކާއި ޒިންމާތައް ތަފާތު ބައެއް ކަމަށެވެ.

އަހުރެންވެސް މި ވިސްނުމަށް ތާއީދުކުރަމެވެ. އެހެންނަމަވެސް، މީގެ މާނައަކީ، ސިފައިންގެ މީހަކު ކުރާ ޖިނާއީ ކުށަކީ، އެއީ އޭނާގެ މައްޗަށް ހުރި ވެރިއަކު އަންގައިގެން ކުރި ކުށެއްކަމަށް ބުނެ ހުށަހެޅެން އޮތް ދިފާޢެއް ނޫނެވެ. "ޗެއިން އޮފް ކޮމާންޑް" އަކީ އެއްވެސް ހާލެއްގައި ދަށުގައި ތިބޭ ސިފައިން، ނުވަތަ އަމުރެއް ތަންފީޒުކުރާ ސިފައިން ކުށުން ބަރީޢަވުމަށް އޮންނަ ޤާނޫނީ ހުއްޖަތެއްނޫނެވެ. އެހެނީ، ސިފައިންގެ ވެރިންނަށްވެސް އަމުރު ކުރެވޭނީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި ގަވާއިދުތަކުގައިވާ ގޮތުގެމަތިން ކަމުގައިވާއިރު، ދަށުގައި ތިބޭ ސިފައިންވެސް ޤާނޫނާ ޚިލާފަށް ކުރާ އަމުރުތަކަށް ތަބާވެގެން ނުވާނެއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ޗެއިން އޮފް ކޮމާންޑްއަކީ ސިފައިންގެ މީހެއްކުރާ ޖިނާއީ ކުށަކަށް އޮތް ޤާނޫނީ ގޮތުން ޞައްޙަ ދިފާޢެއްކަމަށް ދޭހަވާ މޭރުމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ވާހަކަ ދައްކާފައިވެއެވެ. މިހެންބުނާ ސަބަބަކީ، އަޙްމަދު ތިހާމް ޖިނާއީ ކުށެއްކުރިކަމަށް ދައުލަތުގެ ވިސްނުން ބަދަލުނުވާތީއެވެ. އަޙްމަދު ތިހާމް ޖިނާއީ ކުށެއްކުރިކަމަށް ބުނެ، އެ ކުށުގެ ދިފާޢެއްގޮތަށް އޭނާގެ މައްޗަށް ތިބި ވެރިން ކުރި އަމުރަށް ރިޢާޔަތްކޮށްދިނުމަށް އެދިފައިވާއިރު، ސިފައިންގެ އިސްވެރިން ކުރާ އަމުރުތަކުގެ ދަށުން ޤައުމެއްގެ ޤާނޫނަކާ ޚިލާފުވުމުން، އެފަދަ އަމުރެއްކުރި ވެރިއެއްގެ އިތުރުން، އެފަދަ އަމުރެއް ތަންފީޒުކޮށްދިން ދަށުގައި ތިބި މީހުންވެސް ޖިނާއީ ކުށަށް ޒިންމާ އުފުލުމުގެ މަފްހޫމަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކުގެ ދަށުން ހަމަޖެހިފައި އޮތްގޮތްކަން ފާހަގަކުރެވެއެވެ.

މީގެ އިތުރުން، މިހާރު އިސްތިއުނާފުކުރެވޭ ގަޒިއްޔާގެ ޚިލާފުވި ރައުޔުގައާއި މި މައްސަލައިގައި އަޙްމަދު ތިހާމްއާއެކު ދެން އެފަރާތެއްގެ މައްޗަށް ދަޢުވާ ކުރި މޫސާ ޒަމީރުގެ އިސްތިއުނާފު މައްސަލަ ބެލި އެ ކޯޓުގެ ނަންބަރު 2016/HC-A/336 ގަޒިއްޔާގައިވެސް، ޗެއިން އޮފް ކޮމާންޑްއަކީ ސިފައިންގެ ވެރިޔަކު އަމުރެއް ކުރީތީ، އެ އަމުރަކީ ޤާނޫނާ ޚިލާފު އަމުރަކަށް ވިޔަސް، އަދި ޖިނާއީ ކުށެއް އެކުލެވިގެންވާ ކަމަކަށް ވިޔަސް، އެ އަމުރަށް ތަބާވާ ސަބްއޯޑިނޭޓް އެ އަމުރަށް ތަބާވުމަކީ ލާޒިމު ކަމެއްކަމާއި އަދި ސަބްއޯޑިނޭޓް ކުރާ ޖިނާއީ ކުށަކަށް ޤާނޫނީ ގޮތުން ޞައްޙަ ދިފާޢެއްކަމަށް ކޯޓުތަކުން ބަލައިގަންނަކަމަށް ދޭހަވެއެވެ.

ވެރިއެއްގެ އަމުރަށް ތަބާވުމަކީ ސިފައިންގެ މީހުން ކުރާ ޖިނާއީ ކުށްތަކަށް އޮތް ދިފާޢެއްކަމަށް ބަލައިފިނަމަ، ދަށުގައި ތިބޭ ސިފައިން ދުވަހަކުވެސް ޖިނާއީ ކުށަކަށް ޒިންމާ އުފުލަންޖެހޭ ހާލަތެއް ނާންނާނެއެވެ. ނަތީޖާއެއްގެ ގޮތުން، ސިފައިންގެ ޤާނޫނުގެ ރޫޙާ އެއްގޮތަށް، ދަށުގައިތިބޭ ސިފައިންނަކީ ޤާނޫނަށް ބޯލަނބާ، ޤާނޫނީ ގޮތުން ޖަވާބުދާރީކުރެވޭނެ ބަޔަކަށް ވެގެން ނުދާނެއެވެ.

ދުނިޔޭގެ ތަހުޒީބީ އެހެން މުޖްތަމަޢުތަކުގައިވެސް، އެ ޤައުމުތަކުގެ ޤާނޫނު ހިނގާ ސަރަހައްދުތަކުގައި، އެ ޤައުމެއްގެ ޤާނޫނުތަކަށް އެ ޤައުމުގެ ސިފައިން ބޯލަނބަންޖެހެއެވެ. އަދި އަމިއްލަ ވަޒަންނޫން އެހެން ޤައުމުތަކުގައި ކުރާ ހަނގުރާމަތަކުގައިވެސް، ދަށުގައި ތިބޭ ސިފައިން ކުރާ ޖިނާއީ ކުށްތަކަށް، ވެރިން ޒިންމާކުރުވުމުގެ މަފްހޫމްއޮވެއެވެ. މިސާލަކަށް ބައިނަލް އަޤްވާމީ ޤާނޫނު (international law) ގައި އޮންނަ "ކޮމާންޑް ރިސްޕޮންސިބިލިޓީ" (command responsibility) ގެ މަފްހޫމްގެ ދަށުން، ދުނިޔޭގެ އެކި ޤައުމުތަކުގައި ހިނގާ ހަނގުރާމަތަކުގައި ސިފައިން ހިންގާ ލާއިންސާނީ ޖަރީމާތަކަށް އެ ޢަމަލު ހިންގާ ސިފައިން ޒިންމާދާރުކުރުވުމުގެ އިތުރުން، އެ ސިފައިންގެ މައްޗަށް ތިބޭ ވެރިންވެސް ޖިނާއީ ކުށަށް ޒިންމާކުރުވެއެވެ. މި ވިސްނުން ބިނާވަނީ ސިފައިންގެ ވެރިންނަކީ ޢާންމު ރައްޔިތުންގެ އިތުބާރު ލިބިފައިވާ އަދި ބޮޑެތި ޒިންމާތައް އުފުލާ ބައެއްކަމުގައިވާއިރު، އެފަދަ ވެރިންނަކީ އަމިއްލައަށް ނިކުމެ ހަނގުރާމައިގެ މައިދާނުގައި އުޅޭ ބައެއްކަމުގައި ނުވިނަމަވެސް، އެމީހުންނަކީ، އެމީހުންގެ ދަށުގައި ތިބޭ މީހުންގެ މައްޗަށް އަމުރުމަޢުރޫފު ހިންގާ، ބޮޑެތި ޖިނާއީ ކުށްތަކާއި ލާއިންސާނީ ޢަމަލުތައް ހަނގުރާމައިގެ މައިދާނުގައި ހުއްޓުވުމުގެ ބާރު އޮތް ފަރާތްތަކެއްކަމަށް އޮންނަ އޮތުމުގެ މައްޗަށެވެ. އެގޮތުން، ހަނގުރާމައިގެ މައިދާނުގައި ޢަމަލީ ގޮތުން ކަމެއް ނުކުރިނަމަވެސް، ލާއިންސާނީ ކަންކަން ކުރުމަށް ދޭ އަމުރުތަކަށް އެފަދަ ވެރިން ޖިނާއީ ޒިންމާ އުފުލުމާއި، އެމީހުންގެ ދަށުގައި ތިބޭ މީހުން ޤާނޫނާ ޚިލާފަށް ކުރާ ކަންކަމަށް ފިޔަވަޅު ނޭޅުމުގެ ސަބަބުން ކުށްތައް ފަހުން ތަކުރާރުވުމުންނާއި، ވެރިއަކު އަމުރު ނުކުރިނަމަވެސް އޭނާގެ އެނގުމުގެ ތެރޭގައި އޭނާގެ ދަށުގައި ތިބޭ މީހުން ކުރާ ޖިނާއީ ކުށްތަކަށް އެފަދަ ވެރިން ޖިނާއީ ޒިންމާ އުފުލުން ހިމެނެއެވެ. މީގެ އިތުރުން، ވެރިއަކަށް ހުންނަ މީހަކުވެސް ޤާނޫނާ ޚިލާފަށް ކުރާ އަމުރުތަކާއި ޢަމަލުތައް އެއަށް ވުރެ މަތީގައި ތިބޭ ވެރިންނަށް ރިޕޯޓުކުރުމުގެ ޒިންމާ ދަށުގައި ތިބޭ ސިފައިން އުފުލަންޖެހެއެވެ.

އިސްވެ މި ބުނެވުނީ ސިފައިންގެ ވެރިންނާއި އަދި ދަށުގައި މަސައްކަތްކުރާ ސިފައިން ބައިނަލްޢަޤުވާމީ ޤާނޫނުތަކުގެ ދަށުން ޒިންމާ އުފުލުމުގެ ޢާންމު އުސޫލެވެ. ޤައުމެއްގެ ދާޚިލީ ޤާނޫނުތަކުގެ ދަށުން، ސިފައިންގެ މީހަކު ކުރާ ޖިނާއީ ކުށަކަށް ދިފާޢެއްގެ ގޮތުން އެއީ ވެރިއެއްގެ އެންގުމެއް ތަންފީޒު ކުރުމުގެ ގޮތުން ކޮށްފައިވާ ޢަމަލެއްކަމަށް ބުނުމަކީ ކުށުން ބަރީޢަވެވެން އޮންނަ ހުއްޖަތެއްކަން އެނގޭކަށްނެތެވެ. ދުނިޔޭގެ ތަހުޒީބު ކޮންމެ މުޖްތަމަޢަކަށް ދިޔަނަމަވެސް، އެފަދަ ތަންތަނުގައިވެސް ސިފައިންގެ ޢަމަލުތައް ބަހައްޓަންޖެހޭނީ އެ ޤައުމެއްގެ ޤާނޫނުތައް ހުއްދަކުރާ ގޮތުގެމަތިންނެވެ.

ދިވެހިރާއްޖޭގައިވެސް ސިފައިންނާ ބެހޭ ކަންކަން ތަންޒީމު ކުރަނީ ދިވެހިރާއްޖޭގެ ޤާނޫނުތަކުގައިވާގޮތުގެ މަތިންނެވެ. އަދި ސިފައިންނަކީ ހުރިހާ ވަގުތެއްގައިވެސް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި ގަވާއިދުތަކާއި، އަދި ސިފައިންގެ މައްޗަށް ތަޠުބީޤުވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ޢަމަލުކުރުން ލާޒިމު ބައެއްކަން، ސިފައިންގެ ޤާނޫނުގެ އެކި މާއްދާތަކުގައި ތަކުރާރު ކުރެވިފައިވެއެވެ.

އެހެންކަމުން، ހުށަހެޅިފައިމިވާ މައްސަލައިގައި، އަޙްމަދު ތިހާމްއަކީ ޤާނޫނުލްޢުޤޫބާތުގެ 530 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރާ ޙަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން ޢަދުލު އިންޞާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށް ސާބިތުވެފައިވާ މީހެއްކަމަށް ބަލައި، އޭގެ ފުރިހަމަ ދިފާޢެއްގެ ގޮތުން، އޭނާ އެ ޢަމަލުކުރީ އޭނާގެ މައްޗަށް ތިބި ވެރިން އަންގައިގެންކަމަށް ބުނުމަކީ، ދިވެހިރާއްޖޭގެ ޤާނޫނުތަކުންވެސް ބަލައިގަންނަ ދިފާޢެއްނޫނެވެ.

ސިފައިންގެ ޤާނޫނުގެ 8 ވަނަ މާއްދާއާއި 16 ވަނަ މާއްދާގެ ދަށުން އިޝަރާތްކުރަނީ ޤާނޫނާ އެއްގޮތަށް ޢަމަލުކުރުމަށް ކަމުގައިވާއިރު، މި މައްސަލައިގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އަޙްމަދު ތިހާމްގެ މައްޗަށް ތުހުމަތުކުރަނީ ޤާނޫނާ ޚިލާފު ޢަމަލުތަކެއް ކުރިކަމަށެވެ.

އަޙްމަދު ތިހާމްއަށް ޤާނޫނުލްއުޤޫބާތުގެ 42 ވަނަ މާއްދާގެ (ހ) ގެ ދަށުން ދިފާޢެއް އޮތްކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ބުނެފައިވެއެވެ. ނަމަވެސް މި އަކުރުގެ ދަށުން ކުރާ ޢަމަލަކީވެސް ޤާނޫނެއްގެ ދަށުންކުރާ ކަމެއްކަމަށް ވާންޖެހެއެވެ. އަޙްމަދު ތިހާމްގެ މައްޗަށް ތުހުމަތު ކުރަނީ ނުބައި ނިޔަތެއްގައި، ހެކި ބަދަލުކުރުމުގެ ތުހުމަތުކަމުގައިވާއިރު، މި ޢަމަލަކީ އެއްވެސް ޤާނޫނެއްގެ ދަށުން ސިފައިން ކުރުން ހުއްދަކަމެއްނޫނެވެ. އެހެންކަމުން، މި މައްސަލައިގައިވާ ހާލަތަށް ޤާނޫނުލްއުޤޫބާތުގެ 42 ވަނަ މާއްދާގެ (ހ) ތަޠުބީޤުކުރެވޭނެކަމަށް ދައުލަތުން ބުނުމަކީ ޤާނޫނީ ގޮތުން ހަމަޖެހޭކަމެއް ނޫނެވެ.

މި މައްސަލައިގައި ދިފާޢުގެ މަފްހޫމްއަށް ބަލައިފައިވަނީ އަޙްމަދު ތިހާމްގެ މައްޗަށް ކުށް ސާބިތުވާކަމުގެ އިފްތިރާޟް (presumption) ގެ މައްޗަށް ބިނާވެއެވެ. މިއީ ދައުލަތުގެ ސްޓޭންޑް ބަދަލުނުކުރާކަމަށް ބުނެ، އެކަމަކު އަޙްމަދު ތިހާމްއަށް ދިފާޢެއް ލިބިގެންވާކަމަށް ބުނެ ދައުލަތުން ހުށަހެޅި ކަންކަން މި މައްސަލައަށް ތަޠުބީޤު ކުރުމުން، އަހުރެންނަށް ނެރެވޭ ޤާނޫނީ ނަތީޖާއެވެ. ކުރިންވެސް ފާހަގަކުރެވުނު ފަދައިން، މީސްމީހުންގެ މައްޗަށް ދައުލަތުން ޖިނާއީ ދަޢުވާކޮށް، ކުށް ސާބިތުވެ، ޙުކުމް ތަންފީޒުކުރާ ފަހުން، ދައުލަތުގެ ވާހަކަތައް ބަދަލުވުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ. އޭގެން ދޭހަވަނީ ދައުލަތުން މީސްމީހުންގެ މައްޗަށް ޖިނާއީ ދަޢުވާ ކުރުމަށް ނިންމަނީ އެކަށީގެންވާ ވަރަށް މައްސަލަތައް ދިރާސާނުކޮށް، ޙައްޤުތަކަށް ފަރުވާލެއް ނުބަހައްޓާކަމެވެ.

ދެން މި މައްސަލައިގައި އަޙްމަދު ތިހާމްގެ ފަރާތުން އިސްތިއުނާފުކުރުމަށް ހުށަހަޅާފައި އޮތް 3 ނުކުތާއަށް ރިޢާޔަތްކުރެވޭނެއެވެ.

ހަމައެކަނި ޝަރީޢަތަށް ހާޒިރުކުރުމަށް ފެންނަ ހެކިން ހާޒިރުކުރުން

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަލީ ޙަސަން (2013) ގަޒިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ (ށ) ގައި ވަކި ހެކިބަހެއްގައި ހިފުމާއި ދޫކޮށްލުމަކީ ފަނޑިޔާރަށް ލިބިގެންވާ އިޚްތިޔާރެއްކަމުގައި ވީނަމަވެސް، ހެކި ވަޒަންކުރުމުގެ އިޚްތިޔާރީ ބާރު އެ ހެކިބަހެއް އަޑުއެހުމަކާނުލައި ފަނޑިޔާރަށް ލިބިގެންނުވާކަމަށް އެ ގަޒިއްޔާގައި ކަނޑައަޅާފައި އޮންނަ އޮތުމަށް އަޙްމަދު ތިހާމްގެ ފަރާތުން ހަވާލާދީފައިވެއެވެ. އަދި ހުށަހެޅިފައިމިވާ މައްސަލައިގައި، ކްރިމިނަލް ކޯޓުގައި ހެކިން ހާޒިރުކޮށްދިނުމުގެ ފުރުޞަތަށް އަޙްމަދު ތިހާމްގެ ފަރާތުން އެދުމުން، ހާޒިރުކޮށްދޭން ނިންމީ ހަމައެކަނި ޝަރީޢަތަށް ފެންނަ ހެކިކަމަށް އަޙްމަދު ތިހާމްގެ ފަރާތުން ދިވެހިރާއްޖޭ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ފާހަގަކޮށްފައިވެއެވެ. މިކަމަކީ މިއީ، ކޯޓުން އަޑުނާހާ އޮތް ހެކިބަސްތަކެއްގެ އަންދާޒާއެއް ނުވަތަ ލަފައެއް ނުކުރެވޭނެކަމަށް ބުނެ، ހެކިންނާ ސުވާލުކުރުމަށްފަހުގައި މެނުވީ ހެކިބަހާ މެދު ކޯޓުން ދެކޭ ގޮތް ކަނޑައެޅުމުގެ ޙައްޤު ކޯޓަށް ލިބިގެންނުވާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަލީ ޙަސަން (2013) ގަޒިއްޔާގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައި އޮތް އޮތުމާ ޚިލާފުކަމެއް ކަމަށް އަޙްމަދު ތިހާމްގެ ފަރާތުން ބުނެފައިވެއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަލީ ޙަސަން (2013) ގަޒިއްޔާގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވަނީ ކޯޓަށް ހެކިން ހާޒިރުކުރުމެއްނެތި، އެފަދަ ހެކިން ދައްކަފާނެ ވާހަކައަކާ މެދު ގޮތެއް ކަނޑަނޭޅޭނެކަމަށެވެ. މިހެން މިބުނާ ސަބަބަކީ، އެ ގަޒިއްޔާގައި ޙުކުމް ކޮށްފައިވަނީ، އެ ގަޒިއްޔާގައި ހާޒިރުކޮށްނުދިން ދެ ހެކިން ހާޒިރުކޮށްދިން ކަމުގައިވީނަމަވެސް، އެ މައްސަލައިގައި ޢަލީ ޙަސަންގެ މައްޗަށް ކުށް ސާބިތުކުރެވިދާނެކަމަށް ބެލެވެން ނެތުމުން، އޭނާގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައި އޮތުމުންނެވެ. އެހެންގޮތަކަށް ބުނާނަމަ، މި ގަޒިއްޔާއިން ދޭހަވަނީ ހެކިން ހާޒިރުކުރެވި އެ ހެކިން ކޮންމެ ގޮތަކަށް ހެކިބަސްދިންކަމުގައި ވީނަމަވެސް، ޝަރީޢަތަށް ހުށަހެޅިފައިހުރި ހެކި ނަފީކުރެވޭވަރުގެ ހެކިބަހަކަށް ނުވާނަމަ، އެފަދަ ހެކިން ހާޒިރުކުރުން ލާޒިމުނުވާކަމެވެ.

ސުޕްރީމް ކޯޓުގެ މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑް ވ. ސަޢީދާ މޫސާ (2020) ގަޒިއްޔާގައިވެސް ފާހަގަކޮށްފައިވާ ފަދައިން، ހެކި ހުށަހެޅުމަކީ ޚަޞްމުންނަށް އޮތް ޙައްޤެއްނަމަވެސް، މިއީ މުޠުލަޤުކޮށް އޮތް ޙައްޤެއް ނޫންކަން މިހާތަނަށް ޝަރުޢީ ކޯޓުތަކުން ޖިނާއީ މައްސަލަތަކުގައާއި މަދަނީ މައްސަލަތަކުގައި ޢަމަލުކުރަމުން އައިގޮތުން އެނގެން އޮވެއެވެ. ހެކިންގެ ހެކިބަސް ނެގުން ގުޅިފައިވަނީ ކޯޓުތަކުގެ ކޭސް މެނޭޖްމަންޓްއާ ކަމުގައިވާއިރު، ކޮންމެ މައްސަލައެއްގައި މައްސަލައިގެ ދެފަރާތުން ހުށަހަޅާ ހުރިހާ ހެކިން ހާޒިރުކުރުމަކީ އެކަމަށް ހޭދަވާނެ ވަގުތާއި ޚަރަދަށް ބަލާފައި، އެންމެ އެކަށީގެންވާ ގޮތްކަމުގައި ނުވެދާނެއެވެ.

މިސާލަކަށް ހުށަހަޅާފައިވާ މައްސަލައިގެ ކްރިމިނަލް ކޯޓު މަރުހަލާގައި، މައްސަލައިގެ ދެފަރާތުން މަދުވެގެން 28 ހެކިން ހާޒިރުކޮށްދިނުމަށް އެދިފައިވެއެވެ. އޭގެ ތެރޭގައި މައްސަލައިގައި ސިފައިންގެ ތިން މީހުންނަށް ކުރެވުނު ދަޢުވާ ސާބިތުކުރުމަށް ބޭނުންވާނެ ހެކި، ނުވަތަ އެފަދަ ހެއްކެއް ނަފީ ކުރެވިދާނެކަމަށް ޤަބޫލުކުރެވޭ ހެކި ފުރޭނުމުގެ އިޚްތިޔާރު މައްސަލަ ބަލާ ފަނޑިޔާރުންނަށް ލިބިގެންވެއެވެ. އެހެންނަމަވެސް، އެއްވެސް ފަރާތަކުން ހުށަހަޅާ ހެއްކެއް ހާޒިރުނުކުރަން ނިންމާނަމަ، ހާޒިރުނުކުރަން ނިންމީ އެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާވެގެންކަމުގައި ވާންވާނެއެވެ.

ކްރިމިނަލް ކޯޓުގެ ނަންބަރު 230/Cr-C/2016 ގަޒިއްޔާގެ 13 ވަނަ ނުކުތާގައި، މި މައްސަލައިގައި ދިފާޢީ ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރީޢަތަށް ހާޒިރުކޮށްފައިވާ ހެކިން ހާޒިރުކޮށްފައިވަނީ ދަޢުވާ ލިބޭ ފަރާތުން ހެކި ހުށަހެޅި ސަބަބަށާއި، ހެކިންގެ މަޢުލޫމާތުގެ މައްޗަށާއި، ހެކިން ހާޒިރުކުރުމަށް ބެލިއިރު ރާއްޖޭގައި ތިބި ފަރާތްތައްކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ހާޒިރުކޮށްފައިނުވާ ހެކިން ހާޒިރުކޮށްފައިނުވަނީ ހެކިން ހުށަހެޅިއިރު، ހެކިން ހުށަހަޅާ ބޭނުމުގެ ގޮތުގައި ބަޔާންކޮށްފައިވާ ސަބަބުގެ މައްޗަށް ބަލާއިރު ހާޒިރުކުރަން ނުޖެހޭ ފަރާތްތަކާއި، ހެކިންގެ މަޢުލޫމާތު ނުވަތަ ވަނަވަރު ހުށަހެޅިއިރު، ޝަރީޢަތަށް އެފަރާތެއް ހާޒިރުކުރުމަށް ބޭނުންވާ އަސާސީ މަޢުލޫމާތު ފުރިހަމަކޮށްފައިނުވާތީ އާއި، އަދި ދަޢުވާ ލިބޭ ފަރާތްތަކުން ހުށަހަޅާފައިވާ ބައެއް ހެކިން ހާޒިރުކުރަން ބޭނުންނޫން ކަމަށް ދަޢުވާ ލިބޭ ފަރާތްތަކުން ޝަރީޢަތުގެ މަޖިލިހުގައި ބުނުމާ ގުޅިގެން ހާޒިރުކުރެވިފައިނުވާ ފަރާތްތައްކަމަށް ބަޔާންކޮށްފައިވެއެވެ.

ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލިހަށް ހާޒިރުނުކުރަން ނިންމި ހެކިންގެ ތެރެއިން އެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާނުވެ އެ ކޯޓުން ހާޒިރުނުކުރަން ނިންމީ ކޮން ހެއްކެއްކަމެއް އަޙްމަދު ތިހާމްގެ ފަރާތުން ސުޕްރީމް ކޯޓުގައި ފާހަގަކޮށްފައިނުވެއެވެ. އަދި އެތަނުން ހާޒިރުނުކުރަން ނިންމި ހެކީގެ ހެކިބަހުން ސާބިތުކޮށްދެވޭނީ ކޮންކަމެއްކަން، ނުވަތަ ސާބިތުވާގޮތަށް ހުރި ކަންކަމުގެ ތެރެއިން، ނަފީވާނީ ކޮން ހެއްކެއްކަން ފަދަ އެއްވެސް ތަފްސީލެއް ދީފައިނުވެއެވެ. އެހެންކަމުން، މި މައްސަލައިގައި ޝަރީޢަތަށް ހާޒިރުނުކުރާ ހެކިން ހާޒިރުނުކުރުމަށް ނިންމާފައިވަނީ އެކަށީގެންވާ ސަބަބުތަކެއްގެ މައްޗަށް ބިނާވެގެން ނޫންކަން އަޙްމަދު ތިހާމްއަށް ބުނެދެވިފައިނުވެއެވެ.

އެއް ހާދިސާއެއްގައި ހިމެނޭ ފަރާތްތަކަށް ތަފާތު ޙުކުމް އައުން

އަޙްމަދު ތިހާމްގެ އިތުރުން މި މައްސަލައިގައި ދެން ދަޢުވާކުރި އަޙްމަދު ފަޔާޟް ޢަލީ ރިޟާ އާއި މޫސާ ޒަމީރު އާ ދެމީހުންގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ހައިކޯޓުން ކަނޑައެޅިއިރު، މި މައްސަލައިގައި ތަފާތުކޮށް ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާއި ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-SJ/03 އަމުރަށާއި އަދި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) އާ ޚިލާފަށްކަމަށް އަޙްމަދު ތިހާމްގެ ފަރާތުން ބުނެފައިވެއެވެ.

މި ނުކުތާއާ ގުޅިގެން ޖުމްލަކޮށް، ޖިނާއީ މައްސަލައެއްގައި، އެއް ހާދިސާއެއްގައި ހިމެނޭ އެކި މީހުން ތަފާތު ޖިނާއީ މަސްއޫލިއްޔަތު އުފުލުމުގެ އިތުރުން އެއްބާވަތެއްގެ ޖިނާއީ މަސްއޫލިއްޔަތު އުފުލި ނަމަވެސް އެފަދަ މަސްއޫލިއްޔަތެއް އުފުލަންޖެހޭ މިންވަރު ތަފާތުވުން އެކަށީގެންވެއެވެ. އެހެނީ، ޖިނާއީ މަސްއޫލިއްޔަތު ބިނާވާނީ މުއްތަހަމުގެ ޢަމަލާއި ނިޔަތް ނުވަތަ މަޤުޞަދަށް ކަމުގައިވާއިރު، މިކަންކަމުގެ މައްޗަށާއި މިނޫންވެސް އެހެނިހެން ކަންކަމަށް ރިޢާޔަތްކުރުމާއެކު، އެއް ހާދިސާއެއްގައި ހިމެނޭ ބައެއްގެ މައްޗަށް ކުށް ސާބިތުވާ ގޮތް ތަފާތުވުމުގެ އިތުރުން، ކުށް ސާބިތުވާ ހާލަތުގައި އަންނާނެ އަދަބު ތަފާތުވުންވެސް އެކަށީގެންވެއެވެ. އެހެންކަމުން، ކޮންމެ މައްސަލައެއްގައިވެސް ރިޢާޔަތް ކުރަންވާނީ އެ މައްސަލައެއްގައި ތުހުމަތު ކުރެވޭ ފަރާތުގެ ޢަމަލާއި ނިޔަތަށެވެ.

ހުށަހެޅިފައިމިވާ މައްސަލައިގައި މޫސާ ޒަމީރުއާއި އަޙްމަދު ތިހާމްއާ ދެމީހުންގެ މައްޗަށް އެއް ދުވަހެއްގައި ޙުކުމް ކުރިނަމަވެސް، ދެ ޙުކުމުގެ ނަތީޖާ ތަފާތުވާން މެދުވެރިވި މައިގަނޑު ސަބަބަކީ ތަފާތު ފަނޑިޔާރުންތަކެއްގެ މައްޗަށް އެކުލަވާލެވުނު ތަފާތު މަޖިލިސްތަކަކުން މި ދެ މައްސަލައިގައި ގޮތް ކަނޑައެޅުމުގެ ނަތީޖާއެވެ. އަދި އުޞޫލީ ބައެއް ކަންކަމާ މެދު ފަނޑިޔާރުންގެ މެދުގައި އޮތް ޚިޔާލު ތަފާތުވުންތަކެއްގެ ސަބަބުންނެވެ.

މި މައްސަލައިގައި ހިމެނޭ އަޙްމަދު ފަޔާޟް ޢަލީ ރިޟާ އާއި މޫސާ ޒަމީރުގެ މައްސަލަ ނިންމުމުގައި ހައިކޯޓުން ތަޠުބީޤުކޮށްފައިވާ އުސޫލުތަކަކީ، އެ ދެ މައްސަލައިގައި އެގޮތަށް ނިމުނުކަމުގައިވީތީ، ސުޕްރީމް ކޯޓުން އެ އުޞޫލުތަކަށް ތަބާވުން ލާޒިމު އުޞޫލުތަކެއް ނޫނެވެ. އަދި ހައިކޯޓުން މި ތިން މައްސަލަ، އެއް ފަނޑިޔާރުންގެ މަޖިލިހަކުން ބެލިކަމުގައިވީނަމަވެސް، މި ތިން މީހުންގެ މައްޗަށް ތަފާތު ޙުކުމްތަކެއް އައުމުގެ އިހްތިމާލު އޮތްކަން ފާހަގަކުރަމެވެ.

އެހެންކަމުން، މި މައްސަލައިގައި ގޮތެއް ކަނޑައެޅުމުގައި ރިޢާޔަތްކުރަންޖެހޭނީ، ކުރިންވެސް ފާހަގަކުރެވުނު ފަދައިން، ޖިނާއީ ކުށެއް ސާބިތުކުރުމަށްޓަކައި ފުރިހަމަވާންޖެހޭ ކުށުގެ ޢަމަލާއި ނިޔަތް، އަޙްމަދު ތިހާމްގެ ކިބައިން ފުރިހަމަވޭތޯ ނުވަތަ ނޫންތޯ ބެލުމަށެވެ.

ކުށުގެ ޢަމަލާއި ނިޔަތް

އަޙްމަދު ތިހާމްގެ ފަރާތުން އިސްތިއުނާފު ކުރި ތިންވަނަ ނުކުތާގައި ބުނެފައިވަނީ ޤާނޫނުލްޢޫޤޫބާތުގެ 530 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން އަޙްމަދު ތިހާމް ކޮށްފައިވަނީ ކޮން ޢަމަލެއްކަން ޝަރީޢަތުގެ އެއްވެސް މަރުހަލާއެއްގައި ބަޔާންކޮށްފައިނުވާކަމަށެވެ.

ޤާނޫނުލްޢުޤޫބާތުގެ 530 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ވަނީ އަންނަނިވި ފަދައިންނެވެ.

530. (ހ) މީހަކު ހައްޔަރުކުރުމަށް، ނުވަތަ މީހެއްގެ މައްޗަށް ދަޢުވާއެއް އުފުލުމަށް، ނުވަތަ މީހަކު ދިފާޢެއް ހުށަހެޅުމަށް ހުރަސްއެޅުމުގެ މަޤުޞަދުގައި ނުވަތަ އެއިން ކަމެއް ހުއްޓުވުމުގެ މަޤުޞަދުގައި، އެނގިހުރެ އަންނަނިވި ޢަމަލުކުރާ މީހާ އެކުރަނީ ކުށެކެވެ:

(2) ޝަރީޢަތަށް ހުށަހެޅިދާނެ ހެއްކެއްކަމުގައި ވިޔަސް އަދި ނުވިޔަސް މައްސަލައަކާ ގުޅުންހުރި މާއްދީ ހެކި ނެތިކޮށްލުމާއި، ބަދަލުކުރުމާއި، ފޮރުވުމާއި، ފާހަގަނުވާނެގޮތް ހެދުމާއި، ދޮގު ހެކި ބެހެއްޓުމާއި، ދޮގު މަޢުލޫމާތު ދިނުން

އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ގަޒިއްޔާގެ އަޣުލަބިއްޔަތު ރައުޔުގައިވެސް ފާހަގަކޮށްފައިވާ ފަދައިން، ޤާނޫނުލްޢުޤޫބާތުގެ 530 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން ކުށެއްކަމަށްވާ ޢަމަލުތަކަކީ ނުވަތަ އެކްޓަސް ރިއަސް (actus reus) އަކީ، ޝަރީޢަތަށް ހުށަހެޅިދާނެ ހެއްކެއްކަމުގައި ވިޔަސް އަދި ނުވިޔަސް މައްސަލައަކާ ގުޅުންހުރި މާއްދީ ހެކި ނެތިކޮށްލުން، ނުވަތަ ބަދަލުކުރުން، ނުވަތަ ފޮރުވުން، ނުވަތަ ފާހަގަނުވާނެގޮތް ހެދުން، ނުވަތަ ދޮގު ހެކި ބެހެއްޓުން ނުވަތަ ދޮގު މަޢުލޫމާތު ދިނުމެވެ.

އެހެންކަމުން، އަޙްމަދު ތިހާމްގެ މައްޗަށް މި މާއްދާގެ ދަށުން ކުށް ސާބިތުވުމަށްޓަކައި، ބަޔާންވެދިޔަ ޢަމަލުތަކުންކުރެ މަދުވެގެން އެއް ޢަމަލެއްކުރިކަން ދައުލަތުން ސާބިތުކޮށްދޭންޖެހެއެވެ. ކްރިމިނަލް ކޯޓުގެ ނަންބަރު 230/Cr-C/2016 ގަޒިއްޔާގައި އަޙްމަދު ތިހާމްގެ މައްޗަށް އުފުލުނު ދަޢުވާއަކީ ރިޔާސީ ލޯންޗަށް އަރައި، ކުށުގެ ވެށިން ތަކެތި ނެގުމުގައި ކަމާގުޅުންހުރި ވަސީލަތްތައް ބޭނުންކުރުމަކާ ނުލައި، އެއްވެސް ރައްކާތެރިކަމެއް ނެތި މައްސަލައިގެ ހެކީގެ ގޮތުގައި ބޭނުން ކުރެވިދާނެ އެއްޗެހި ކުށުގެ ވެށިން ނަގައިގެން ގެންގޮސްފައިވުމެވެ.

މީގެ އިތުރުން، ޤާނޫނުލްޢުޤޫބާތުގެ 530 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން ކުށުގެ ނިޔަތް (mens rea) ސާބިތުވާނީ ކުށުގެ ޢަމަލުކޮށްފައިވަނީ އަންނަނިވި ސަބަބުތަކުންކުރެ ސަބަބެއް ސާބިތުކޮށްދެވުމުންނެވެ.

(ހ) މީހަކު ހައްޔަރުކުރުމަށް، ނުވަތަ

(ށ) މީހެއްގެ މައްޗަށް ދަޢުވާއެއް އުފުލުމަށް، ނުވަތަ

(ނ) މީހަކު ދިފާޢެއް ހުށަހެޅުމަށް

ހުރަސްއެޅުމުގެ މަޤުޞަދުގައި ނުވަތަ އެއިން ކަމެއް ހުއްޓުވުމުގެ މަޤުޞަދުގައި، އެނގިހުރެ ކުރާ ޢަމަލުގެ ރުކުން ސާބިތުވާނަމައެވެ.

(ހ) އަޙްމަދު ތިހާމްގެ ބަހުން ކަންހިނގާދިޔަ ގޮތް

ރިޔާސީ ލޯންޗުގައި އެއްޗެއް ގޮވި ދުވަހު އަޙްމަދު ތިހާމްއަށް އޭނާގެ މައްޗަށް ހުރި ވެރިއަކު އަންގައިގެން އޭނާއާއި މޫސާ ޒަމީރު އެއްކޮށް އެ ލޯންޗަށް އެރިކަމަށް އަޙްމަދު ތިހާމް ބުނެފައިވެއެވެ. އެގޮތުން، އެ ލޯންޗަށް އެރީ އަޙްމަދު ފަޔާޟް ޢަލީ ރިޟާ އަންގައިގެންކަމަށް އަޙްމަދު ތިހާމް ބުނިއިރު، އަޙްމަދު ފަޔާޟް ޢަލީ ރިޟާވެސް ޝަރީޢަތުގެ މަޖިލިހުގައި އެކަން ކަށަވަރުކޮށްދީފައިވެއެވެ.

އަޙްމަދު ތިހާމް އެ ލޯންޗަށް އެރީ އީ.އޯ.ޑީ ޓީމުގެ މެންބަރެއްގެ ހައިސިއްޔަތުން މައިގަނޑު ދެކަމެއް ކުރާށެވެ. އެއީ، ފުރަތަމަ ކަމަކަށް، އެތަނުގައި ދެވަނަ ގޮވާ އެއްޗެއް އޮތް ތޯ ބަލަން، އަދި ދެވަނަ ކަމަކަށް ލޯންޗުން ސާމްޕަލް ނަގައިގެން ތަކެތި ތަހުލީލުކުރާށެވެ.

ސާމްޕަލް ނަގައިގެން އެ ތަކެތި ތަހުލީލުކުރަން ގެންދިޔައީ ހުޅުލެއަށެވެ. އެއީ މާލޭގައި ހުރި ތަހުލީލުކުރާ މެޝިނު މައްސަލަޖެހިފައި ހުރުމުގެ ސަބަބުންކަމަށް އަޙްމަދު ތިހާމްގެ ފަރާތުން ބުނެފައިވެއެވެ. އަދި ތަކެތި ތަހުލީލުކޮށް ނިމުމަށްފަހު އެތަކެތި ހުރީ ރައްކާތެރިކަމާއެކު ސިފައިންގެ ބެލުމުގެ ދަށުގައިކަމަށާއި، އަދި ފަހުން އެތަކެތި ފުލުހުންނާ ޙަވާލުކުރެވުނުކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން، އެކަމާ ބެހޭ ރިޕޯޓެއް އެކުލަވާލުމަށްފަހު، އެދުވަހުން ދުވަހަށް ސިފައިންގެ އެންމެ މަތީ ވެރިންނަށް އެ ރިޕޯޓު އަޙްމަދު ތިހާމް ހުށަހަޅާފައިވާކަމަށް ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި އަޙްމަދު ތިހާމްގެ ޤާނޫނީ ވަކީލު ބުނެފައިވެއެވެ. އަޙްމަދު ތިހާމް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޙުޤީޤަށް ދީފައިވާ ބަޔާނުގައި އެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓީ ވައިސް ޗީފް އޮފް ޑިފެންސް ފޯސްކަމަށާއި، އަދި އެދުވަހު ކޮންފަރަންސް ރޫމަށް ވަދެ، އަޙްމަދު ތިހާމްއާއި އީ.އޯ.ޑީ ޓީމު، ލޯންޗުގައި ހަރަކާތްތެރިވި ގޮތާއި ލޯންޗުން ނެގުނު ސާމްޕަލް ޓެސްޓުކުރުމުން ލިބުނު ނަތީޖާއާ ބެހޭ ރިޕޯޓު އަޙްމަދު ތިހާމް އަމިއްލައަށް ހުށަހަޅައިދިންކަމަށް ބަޔާންކޮށްފައިވެއެވެ.

ތަނެއްގައި އެއްޗެއް ނުގޮވި ނަމަވެސް އީ.އޯ.ޑީ ޓީމުން ތަންތަން ބަލައި ފާސްކުރާ ކަމަށާއި، މިސާލަކަށް ދައުލަތުގެ އިސްވެރިން ނުވަތަ ބޭރުގެ އިއްޒަތްތެރިން ހާޒިރުވާން އޮންނަ ތަނެއް ކުރިން ބަލައި ފާސްކުރާކަމަށާއި، އަދި އެފަދަ ތަންތަނުން ބަޑިބޭހުގެ އަސަރު ހުރިތޯ ބެލުމަށްޓަކައި ޓެސްޓުކޮށް ހަދާކަމަށާއި، އަދި މީގެ ކުރިން އެކަމަށް ބޭނުންކުރަނީ ސިފައިންގެ އަތުގައި ހުރި އެކްސްޕްލޯސިވް ޑިޓެކްޓަރކަމަށް އަޙްމަދު ތިހާމް ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވެއެވެ. އަދި ހަމަ އެ ބަޔާނުގައި އަޙްމަދު ތިހާމްއާއި މޫސާ ޒަމީރު ސާމްޕަލްތައް ހިފައިގެން ހުޅުލެއަށް ދާންޖެހުނު ސަބަބު ތަފްސީލުކޮށް ކިޔައިދީފައިވެއެވެ. އެގޮތުން އީ.އޯ.ޑީ ޓިމުން އާންމުކޮށް ބޭނުންކުރާ ވަސީލަތަކީ އެކްސްޕްލޯސިވް ޑިޓެކްޓަރކަމަށާއި، އެކްސްޕްލޯސިވް ޑިޓެކްޓަރގެ ސެންސަރ ކާޓްރިޖްގެ މުއްދަތު ހަމަވުމާ ގުޅިގެން، އެ ވަސީލަތް ބޭނުންކުރެވެން ނެތުމުން ދެން އެކްސްޕްލޯސިވްސް ޓެސްޓުކުރެވެން ހުރީ ހަމައެކަނި ހުޅުލެއިންކަމުން، ހުޅުލެއަށް ރިޔާސީ ލޯންޗުން ނެގި ސާމްޕަލްތައް ގެންދިޔައީކަމަށް ބުނެފައިވެއެވެ.

އީ.އޯ.ޑީ ޓީމުން ބޭނުންކުރަމުން ދިޔަ އެކްސްޕްލޯސިވް ޑިޓެކްޓަރއަށް އައު ސެންސަރ ކާޓްރިޖެއް ހޯދުމަށްޓަކައި 2015 ގެ ޖުލައި މަހުގެ ކުރީކޮޅު ސިފައިންގެ ލޮޖިސްޓިކް ޑައިރެކްޓަރަށް އޯޑިނަންސް ސަރވިސްގެ ފަރާތުން ލިޔުމުން އެދިފައިވާނެކަމަށް އަޙްމަދު ތިހާމް ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވެއެވެ. ރިޔާސީ ލޯންޗުގައި އެއްޗެއް ގޮވީ ހަމަ އެ އަހަރުގެ ސެޕްޓެމްބަރ 28 ގައެވެ.

މީގެ އިތުރުން، އެއްޗެހި ގޮވުމާ ގުޅޭ ހާދިސާތަކުގައި އީ.އޯ.ޑީ ޓީމުން ޢަމަލުކުރަންޖެހޭ ރަސްމީ އުސޫލެއް ހެދިފައިނުވާކަމަށް އަޙްމަދު ތިހާމްގެ ފަރާތުން ފާހަގަކޮށްފައިވެއެވެ. ރިޔާސީ ލޯންޗުން ސާމްޕަލް ނެގި ފަރާތް ސާމްޕަލް ނެގީ އަންގި ލައްވައިގެންކަމަށާއި، ސާމްޕަލްގެ ގޮތުގައި ގެންދިޔައީ ދެ ސެންޓިމީޓަރު ހުންނަވަރުގެ ސްޕޮންޖު ކޮޅަކާއި، ފަސް ސެންޓިމީޓަރުގެ ފޮއިލް ކޮޅެއްކަމަށް ބުނެފައިވެއެވެ. އަދި ގާތްގަނޑަކަށް ދެ އިންޗި ނުވަތަ ތިން އިންޗި ހުރި އެކްސްޕްލޯސިވް ޑިޓެކްޓަރގެ ސާމްޕަލް ނަގަން ބޭނުންކުރާ ޚާއްޞަ ކާޑަކުން ނެގި ސާމްޕަލްކަމަށް އަޙްމަދު ތިހާމް ބުނެފައިވެއެވެ.

(ށ) ހެކިންގެ ބަހުން ކަންހިނގާދިޔަ ގޮތް

ހާދިސާ ހިނގިތަނުގައި ޗީފް އޮފް ޑިފެންސް ފޯސް އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ހުރި ކަމަށް ސިއްރު ހެކިވެރިޔާ ނަންބަރު 1 އާއި އެމް.އެން.ޑީ.އެފްގެ ސަރޖަންޓް އަޙްމަދު ނިޝާން ބުނެފައިވެއެވެ. ފުލުހުން އެ ލޯންޗަށް އަރަން ބޭނުންވާ ވާހަކަ ވައިސް ޗީފް ގާތު ހެކިވެރިޔާ ނަންބަރު 1 ބުނިކަމަށާއި، އޭގެ ކުރިން އީ.އޯ.ޑީ ޓީމު އަރާފައި އެރޭނެކަމަށް ވައިސް ޗީފް އެންގިކަމަށް ހެކިވެރިޔާ ނަންބަރު 1 ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވެއެވެ.

އީ.އޯ.ޑީ ޓީމު އެ ލޯންޗަށް އެރުމުގެ ކުރިން އެހެން ސިފައިންގެ މީހެއް އެ ލޯންޗަށް އަރާފައިވާކަމަށް ހެކިވެރިޔާ ނަންބަރު 1 އާއި ސަރޖަންޓް އަޙްމަދު ނިޝާން ބުނެފައިވެއެވެ.

ލޯންޗުގައި އެއްޗެއް ގޮވީ އެ ލޯންޗު 28 ސެޕްޓެމްބަރ 2015 ގެ ހެނދުނު 8:00 ކަންހާއިރު އިއްޒުއްދީން ފާލަމާ ގާތްކުރި ވަގުތުގައެވެ. އޭގެ ފަހުން އެ ލޯންޗު އެމް.އެން.ޑީ.އެފް ކޯސްޓްގާޑް ބިލްޑިންގ ގެ ކުރިމައްޗަށްވާ ގޮތަށް ފައްތިޔަލުގައި އޮތްކަމަށް މި މައްސަލައިގެ ހެކިބަސްދިން މީހުން ބުނެފައިވެއެވެ. ލޯންޗަށް އަރާ ފޭބި މީހުންގެ ނަން ނޯޓުކުރަން ފެށީ 9:14 އިން ފެށިގެންކަމަށާއި، ނަން ނޯޓު ކުރަން ފެށިފަހުން އެންމެ ފުރަތަމަ ލޯންޗަށް އެރީ އަޙްމަދު ތިހާމް އާއި މޫސާ ޒަމީރުކަމަށް ސަރޖަންޓް މުޙައްމަދު ޙަބީބު ހެކިބަސް ދީފައިވެއެވެ. އެ ދެމީހުންގެ ކުރިން ލޯންޗުގައި އޭގެ ސިވިލް މީހުން ތިބިކަމަށާއި، ދެން ކޯސްޓްގާޑް ސަރޖަންޓް ޢަލީ ފާރޫޤާއި ސަރޖަންޓް ފަސްޓްކްލާސް މުޢާޒު ހުރިކަމަށް މުޙައްމަދު ޙަބީބު އިތުރަށް ބުނެފައިވެއެވެ. އަދި ހާދިސާއެއް ހިނގައިގެން އުޅޭއިރު އަބަދުވެސް ނޯޓުކުރާކަމަށާއި، އޭނާއަށް ނަން ނޯޓުކުރަން އެންގީ މޭޖަރ ފާތިޙްކަމަށް ބުނެފައިވެއެވެ.

އަޙްމަދު ތިހާމް އަންގައިގެން ލޯންޗު އޮތް ސަރަޙައްދަށް ސަރޖަންޓް މުޙައްމަދު ޒިޔާދު ދިޔަކަމަށް މުޙައްމަދު ޒިޔާދު ބުނެފައިވެއެވެ. ލޯންޗަށް އަރަން އުޅުނު ވަގުތު އަތުގައި ނޫ ކުލައިގެ ކޮތަޅު ބޮނޑިއަކާއި އެކްސްޕޮލޯސިވް ޑިޓެކްޓަރ އޮތްކަމަށާއި، ލޯންޗަށް އެރިއިރު އަޙްމަދު ތިހާމްއާއި މޫސާ ޒަމީރު ލޯންޗުތެރެ ސަރޗްކުރާކަމަށާއި ސަރޗްކުރީ ތަންތަނުގައި އަތްލައިގެންކަމަށާއި އަދި އެ ދެ މީހުން އަންގި ނުލައްވާކަމަށް ބުނެފައިވެއެވެ. މި ދެ މީހުން އެތަން ބަލައި ފާސްކުރުމަށްފަހު، އަޙްމަދު ތިހާމް މުޙައްމަދު ޒިޔާދަށް އެންގީ އެތަނުން ސާމްޕަލް ނެގުމަށްކަމަށާއި، މުޙައްމަދު ޒިޔާދު ސާމްޕަލް ނެގީ އަންގި ލައްވައިގެންކަމަށާއި އަދި ނެގީ ގޮވާފައި އޮތް ސަރަހައްދުން ސްޕޮންޖުކޮޅަކާއި ފޮއިލްކޮޅެއްކަމަށާއި ދެން ނެގީ ޓިޝޫކަމަށެވެ. އަޙްމަދު ތިހާމް ތަން ބަލައި ފާސްކުރިއިރު ފަތިކޮޅެއް ބޭނުންކުރިކަމަށާއި، އޭތިކޮޅު ޕެނަލް ބޯޑަށް ލައްވައިގެން ބޭނުންކުރިކަމަށް ބުނެފައިވެއެވެ. މުޙައްމަދު ޒިޔާދު ސާމްޕަލް ނަގައި ޖޫސްޕެޓީ ކޮތަޅަކަށްލިކަމަށާއި، އެއީ އެކްސްޕްލޯސިވް ޑިޓެކްޓަރ ބޭގުގައި ހުރީ ޖޫސްޕެޓީ ކޮތަޅުކަމުގައި ވާތީ ކަމަށާއި، ދެން އޭގެ ފަހުން ޕޮލިހުން އެރުމުން، އީ.އޯ.ޑީ ޓީމު ބޭރުގައި މަޑުކުރީކަމަށް މުޙައްމަދު ޒިޔާދު ބުނެފައިވެއެވެ.

މުޙައްމަދު ޒިޔާދު ލޯންޗަށް އެރިއިރު އެތަނަކީ ކްރައިމް ސީނެއްކަމަށް އެއްވެސް ބަޔަކު ކަނޑައަޅައި މުޙައްމަދު ޒިޔާދަށް އަންގާފައިނުވާކަމަށާއި، އެދުވަހު ލޯންޗަށް އީ.އޯ.ޑީ ޓީމުން އެރި ސީދާ ސަބަބެއް ނޭނގޭކަމަށާއި އެކަމަކު އެއްޗެއް ގޮވާފިއްޔާ ސެކަންޑަރީ ޑިވައިސްއެއް އިންތޯ ޔަޤީންކުރުމަކީ ކުރާކަމެއްކަމަށް ބުނެފައިވެއެވެ. މުޙައްމަދު ޒިޔާދު ނެގި ސާމްޕަލް ފިޔަވައި އިތުރު ސާމްޕަލްތަކެއް އަޙްމަދު ތިހާމް ލޯންޗުން ނެގި ތަނެއް ނުދެކޭކަމަށް މުޙައްމަދު ޒިޔާދު ބުނެފައިވެއެވެ. އީ.އޯ.ޑީ ޓީމުން މީގެ ކުރިން ތަންތަން ބަލައި ފާސްކުރާއިރު އަންގި ނުލައްވާކަމަށާއި، އެއްޗެއް ގޮވައިގެން ތަނެއް ބަލަންދާއިރު ފްލިޕް ޖެކެޓާއި ހެލްމެޓް ބޭނުން ކުރާކަމަށާއި، އެތަކެތި ބޭނުންކުރަނީ އެއްޗެއް އޮތްކަން އެނގިގެން ސީނަށް ދާއިރުކަމަށާއި، ބަލައި ފާސްކުރާއިރު އެ ލޯންޗުތެރޭގައި ބޮން ސޫޓު ލައިގެން ހަރަކާތްތެރިވެވޭނެހެން ހީނުވާކަމަށާއި، އަދި މިފަދަ ތަނަކުން ސާމްޕަލް ނަގައިފިނަމަ ދެން ޢަމަލުކުރަންޖެހޭ ގޮތުގެ ގަވާއިދެއް ނުވަތަ އުސޫލެއް އޮންނަކަން އެނގިފައިނުވާކަމަށް މުޙައްމަދު ޒިޔާދު ބުނެފައިވެއެވެ. އަދި އަޙްމަދު ތިހާމްއާއި މޫސާ ޒަމީރު ލޯންޗު ބަލައި ފާސްކުރިއިރު ލޯންޗުތެރެ ގޮވިއިރު ހުރި ނޫން ގޮތަކަށް އެއްޗެހި ބަދަލުކޮށް ނުވަތަ އެހެން ތަނަކަށް ލި ތަނެއް ނުދެކޭކަމަށާއި އެކަމަކު ފެނުނީ އެއްޗެހި ހިއްލައިގެން ބެލިތަންކަމަށް ބުނެފައިވެއެވެ.

ސަރޖަންޓް މުޙައްމަދު ސިރާޖު ރިޔާސީ ލޯންޗު އޮތް ސަރަހައްދަށް ދިޔައީ މިރޯރ ސެޓު ހިފައިގެންކަމަށާއި، ފަހުން މޫސާ ޒަމީރު ގުޅާފައި ފްލިޕް ޖެކެޓާއި ހެލްމެޓް ގެންނަން އެންގުމުން، އެ ހިފައިގެން އެތަނަށް ދިޔަކަމަށާއި، ޖެކެޓާއި ހެލްމެޓް އެމީހުން ބޭނުން ނުކުރާކަމަށާއި، އެ ސަރަހައްދަށް ގޮސް މުޙައްމަދު ސިރާޖު ފިނިފެންމާ ލޯންޗަށް އެރިކަމަށް މުޙައްމަދު ސިރާޖު ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވެއެވެ. މުޙައްމަދު ސިރާޖު އެރީ ފޮރެންސިކްސް ފުލުހުންނާއެކު ކަމަށާއި، އީ.އޯ.ޑީ ޓީމު ތިބީ މުޙައްމަދު ސިރާޖުއާއެކު ލޯންޗުގެ ފަހަތުގައިކަމަށާއި، އެމީހުން އަތުގައި އެތަނުން ސާމްޕަލް ނެގި ކޮތަޅުވެސް އޮތްކަމަށާއި، އެ ލޯންޗަކީ އެއީ ކްރައިމް ސީނެއްކަމަށް އެއްވެސް މީހަކު މުޙައްމަދު ސިރާޖަށް އަންގާފައިނުވާކަމަށާއި، އަދި އީ.އޯ.ޑީ ޓީމުން ޢަމަލުކުރަންޖެހޭ އެސް.އޯ.ޕީ އެއް ނުދެކޭކަމަށް މުޙައްމަދު ސިރާޖު ބުނެފައިވެއެވެ.

މި މައްސަލައިގައި ސާމްޕަލް ނަގައި ޖޫސްޕެޓީ ކޮތަޅަކަށްލި މުޙައްމަދު ޒިޔާދުއާ އެކު ސަރޖަންޓް ޢަލީ ޖިނާދު އެތަނަށް ދިޔައެވެ. މުޙައްމަދު ޒިޔާދު ކުރިން ލޯންޗަށް އެރި ކަމަށާއި، ޢަލީ ޖިނާދު ލޯންޗަށް އެރީ ފުލުހުންގެ ޓީމާއެކުކަމަށް ޢަލީ ޖިނާދު ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވެއެވެ. އީ.އޯ.ޑީ ޓީމުން ޢަމަލުކުރަންޖެހޭ ވަކި އުސޫލެއް އޮންނަކަމަށް އެނގިފައިނުވާކަމަށާއި، މީގެ ކުރިންވެސް އީ.އޯ.ޑީ ޓީމުން ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތުގައި ބައިވެރިވެފައިވާނެކަމަށާއި، ނަމަވެސް މީގެ ކުރިން ތަންތަން ބަލައި ފާސްކުރަނީ އަންގި ލައްވައިގެން ނޫންކަމަށް ޢަލީ ޖިނާދު ބުނެފައިވެއެވެ. ޢަލީ ޖިނާދު އެ ލޯންޗަށް އެރިއިރުވެސް އެއްވެސް ފަރާތަކުން އެއީ ކްރައިމް ސީނެއްކަމަށް އަންގާފައިނުވާކަމަށާއި، އަދި އެއްޗެއް ގޮވުމަށްފަހު ނުވަތަ ތަނެއް ފާސްކުރާއިރު އީ.އޯ.ޑީ ޓީމުން މަސައްކަތްކުރަންޖެހޭ ގޮތް އެއްވެސް އެއްޗެއްގައި ލިޔެފައިއޮތް ތަނެއް ނުދެކޭކަމަށް ޢަލީ ޖިނާދު އިތުރަށް ބުނެފައިވެއެވެ.

އެސް.ޕީ.ޖީގެ ސީނިއަރ ކެޕްޓަން އަޙްމަދު ސަމީލް ކްރިމިނަލް ކޯޓަށް ދިން ހެކިބަހުގައި، ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮވިއިރު އޭނާވެސް އެ ލޯންޗުގައި ހުރިކަމަށާއި، އެއްޗެއް ގޮވުމަށްފަހު އެ ލޯންޗަށް އެންމެ ފުރަތަމަ އެރީ އިންޖިނޭރު އިބްރާހީމް ރަޝީދުކަމަށާއި، ލޯންޗު ފައްތިޔަލަށް ގެންދިޔުމަށްފަހު އެމް.އެން.ޑީ.އެފްގެ އެހެން މުވައްޒަފުން އެ ލޯންޗަށް އެރިކަމަށް ބުނެފައިވެއެވެ. އެގޮތުން، ފަހުން އެރި އަޙްމަދު ތިހާމްއާއި މޫސާ ޒަމީރު ލޯންޗަށް އަރައި ސީޓުތައް ހިއްލައި، ކަބަޑުގެ ދޮރުފަތް ހުޅުވައި ބަލައި ހެދިތަން ދުށްކަމަށް ބުނެފައިވެއެވެ. އަދި އެގޮތަށް ޢަމަލުކުރަމުން ދިޔައިރު އެއްވެސް ސޭފްޓީ އިކުއިޕްމަންޓެއް ބޭނުންކޮށްފައިނުވާކަމަށް ބުނެފައިވެއެވެ. އަދި ސީޓުތައް އެއްޗެހި ނަގައި ހެދިއިރު، އެތަކެތި އަނބުރާ ބަހައްޓާފައިވަނީ ތަން ގޮވިފަހުން ހުރި ގޮތަކަށް ނޫންކަމަށް އަޙްމަދު ސަމީލް ބުނެފައިވެއެވެ. އަޙްމަދު ސަމީލްގެ ބަހުން، ލޯންޗުގައި އެއްޗެއް ގޮވި ފަހުން މުޅިތަނުގައި ސްޕޮންޖާއި، އޭސީ ހޮޅި ފަޅައިގެންގޮސް ބުރައިގެން ދިޔުމުން، އޭގައި ހުރި ފޮއިލްތައް ހުރިކަމަށްވެއެވެ.

ވޮރަންޓް އޮފިސަރ ގްރޭޑް 1 މުޙައްމަދު ޟިޔާއުގެ ހެކިބަހުން، އޭނާ ފިނިފެންމާ ލޯންޗަށް އެރީ ސިޓީ އުރަތަކަކާއި ނޫ ކުލައިގެ ކޮތަޅުތަކެއް ހިފައިގެންކަމަށާއި، ނޫ ކުލައިގެ ކޮތަޅުތައް ލޯންޗަށް އެރި އެހެން ސިފައިންގެ މީހަކާ ހަވާލުކުރިކަމަށާއި، ސިޓީ އުރަތައް ގެންދިޔައީ އެވަގުތު ލޯންޗުގައި ތިބި އެންމެންގެ ފޯނުތައް އަތުލައި ކޮންމެ މީހެއްގެ ނަން ސިޓީ އުރައިގައި ނޯޓުކޮށްލައި، ފޯނުތައް ސިޓީ އުރަތަކަށް ލާންކަމަށާއި، ނަމަވެސް އެ ސިޓީ އުރަތައް ބޭނުން ނުކުރާކަމަށާއި، އެއީ މުޙައްމަދު ޟިޔާއު ލޯންޗަށް އެރީ ޕޮލިހުގެ އިންވެސްޓިގޭޝަންގެ ފޮޓޯގްރާފަރާއެކު ކަމަށާއި، އަދި އެއިރު ލޯންޗު އޮތީ ތަޙްޤީޤު މަރުހަލާގައި ފުލުހުންގެ ބެލުމުގެ ދަށުގައިކަމަށް މުޙައްމަދު ޟިޔާއު ބުނެފައިވެއެވެ. އީ.އޯ.ޑީ ޓީމުން ލޯންޗަށް އެރީ އިތުރު އެއްޗެއް އޮތްތޯ ބެލުމަށްކަމަށާއި، މުޙައްމަދު ޟިޔާއު ލޯންޗުގައި ހުރިއިރު އެތަނުގައި ތިބި މީހުންގެ ތެރެއިން އަންގި ލައްވައިގެން ހުރީ ހަމައެކަނި ފުލުހުންގެ ތެރެއިން ފުރަތަމަ އެރި މުވައްޒަފުކަމަށާއި، ސިފައިންގެ އެއްވެސް މީހަކު ހުރީ އަންގި ލައްވައިގެން ނޫންކަމަށް ބުނެފައިވެއެވެ. އަދި މުޙައްމަދު ޟިޔާއު އެންމެ ފުރަތަމަ ރިޔާސީ ލޯންޗު ގޮވައިގެން އުޅޭ ސަރަހައްދަށް ދިޔައިރު އެ ސަރަހައްދުގައި ސިފައިންގެ ވައިސް ޗީފް ހުރިކަމަށް މުޙައްމަދު ޟިޔާއު ބުނެފައިވެއެވެ.

މި މައްސަލައިގެ ޚަބީރެއް ގޮތަށް ހާޒިރުކުރެވުނު އެމް.އެން.ޑީ.އެފްގެ ވޮރަންޓް އޮފިސަރ އަޙްމަދު ޚަލީލު ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، ފުލުހުންގެ ތަޙުޤީޤީ އިދާރާ އައި.އީ.ޑީ (އިމްޕްރޮވައިސްޑް އެކްސްޕްލޯސިވް ޑިވައިސް) އެއް ގޮވި ސަރަހައްދަށް ދިޔުމުގެ ކުރިން، އެ ސަރަހައްދަކީ ތަހުޤީޤީ އިދާރާތައް މަސައްކަތްކުރަން ރައްކާތެރި ސަރަހައްދެއްތޯ ބަލަން ސިފައިންގެ އީ.އޯ.ޑީ ޓީމުން ދާނެކަމަށާއި، އަދި އެ ޓީމުން އެތަނުގައި ގޮވާފާނެ އިތުރު އެއްޗެއް އޮތްތޯ ބަލާނެކަމަށާއި، ނުވަތަ ގޮވި އެއްޗެއްގެ ސަބަބުން އެތަނަށް ދާ ބަޔަކަށް ގެއްލުމެއްވޭތޯ ބަލާނެކަމަށް ބުނެފައިވެއެވެ. އެއްޗެއް ގޮވުމުން ތަނަކަށްދާއިރު ބޮޑީ އާމާރ އާއި ހެލްމެޓް އަޅަންޖެހޭކަމަށާއި އެކަމަކު އެއްޗެއް ގޮވުމުގެ ކުރިން ތަނަކަށްދާނަމަ، އެކަމަށް ޚާއްޞަ ބޮން ސޫޓު ހުރިކަމަށް އަޙްމަދު ޚަލީލު ބުނެފައިވެއެވެ.

އީ.އޯ.ޑީ ޓީމުން ޢަމަލުކުރަންޖެހޭ ވަކި އުސޫލެއް ނުވަތަ ގަވާއިދެއް ލިޔެވިފައިނުވާކަމަށް އަޙްމަދު ޚަލީލު އިތުރަށް ބުނެފައިވެއެވެ. އަންގި ނުލައްވައި ބަލައި ފާސްކުރުމުގެ ފުރުޞަތު އެއްވެސް ވަރަކަށް އޮވެގެން ނުވާނެކަމަށާއި، އެއީ ކޮންމެކަމަކީވެސް ތަޙުޤީޤީ މަރުހަލާއަކާ ހަމައަށް ދާނެ ކަންތައްތައްކަމަށާއި، އަންގި ނުލައްވާނަމަ ފިންގަރޕްރިންޓާ އެއްޗެހި ތަކެތީގައި ހުރުން އެކަށީގެންވާކަމަށް އަޙްމަދު ޚަލީލު ބުނެފައިވެއެވެ. ބަލައި ފާސްކުރާއިރު އަންގި ލައްވަން ޖެހޭކަމަށް އަޙްމަދު ޚަލީލު ބުނިނަމަވެސް، އެމް.އެން.ޑީ.އެފް އިން އަންގި ހޯދަދީފައި ނުހުންނަކަމަށް ބުނެފައިވެއެވެ. ނަމަވެސް ފަހުން ހަމަ އެސުވާލުކުރުމުން، ލޭޓެކްސް ބްރޭންޑުގެ އަންގި އެމް.އެން.ޑީ.އެފް އިން ފޯރުކޮށްދޭކަމަށް ބުނެފައިވެއެވެ. އަދި ހެލްމެޓާއި ބޮޑީ އާރމާ ބަރާބަރަށް ހޯދައިދީފައި ހުންނަކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން، އީ.އޯ.ޑީ ޓީމުން ތަންތަން ބަލައި ފާސްކުރާއިރު އަންގި ލެއްވުން ލާޒިމުކުރާ އެއްވެސް ގަވާއިދެއް ސިފައިންގޭގައި ނޯންނަކަމަށާއި، ތަމްރީން ތަކުގައިވެސް އަންގި ބޭނުން ނުކުރާކަމަށް އަޙްމަދު ޚަލީލު ބުނެފައިވެއެވެ. ޢާންމު ގޮތެއްގައި އެއްޗެއް ގޮވައިގެން އުޅޭ ތަނެއް ބަލައި ފާސްކުރަން ދާންޖެހޭނީ ދެ މީހުން ނުވަތަ ތިން މީހުންކަމަށާއި، ތަންތަނުން ނަގާ ސާމްޕަލްތައް ޓެސްޓުކޮށް، ކަންކަން ދެނެގަންނާނެ ވަސީލަތެއް ނެތްކަމަށާއި، ސާމްޕަލް ނަގައިގެން އެހެން ތަނަކަށް ގެންދަންޖެހޭ ހާލަތެއްގައިވެސް، ޢަމަލުކުރަންޖެހޭ ވަކި އުސޫލެއް ނޯންނަކަމަށް އަޙްމަދު ޚަލީލް ބުނެފައިވެއެވެ.

ތަނަކުން ސާމްޕަލް ނަގައިގެން ގެންދާނަމަ އެކަމެއް ކުރަންވާނީ ތަޙްޤީޤީ އިދާރާގެ ހާޒިރުގައި އެބަޔަކުދޭ ލަފަޔާ މަޝްވަރާއާ އެއްގޮތްވާ ގޮތުގެ މަތިންކަމަށް އަޙްމަދު ޚަލީލް ބުނެފައިވެއެވެ. ދެވަނަ ގޮވާ އެއްޗެއް އޮތްތޯ ބަލަން އަރާ ހާލަތުގައި، ތަންތަން ހިއްލައި ބަލަންޖެހޭނެކަމަށާއި، އަދި މިކަމެއް ހިނގާނީ ތަހުޤީޤު ޓީމު އެރުމުގެ ކުރިން، އެފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައިކަމަށް ބުނެފައިވެއެވެ. ބޮން ސޫޓުތަކުގެ ބަރުދަނުގައި 25 ކިލޯ ނުވަތަ 35 ކިލޯ ނުވަތަ 40 ކިލޯވެސް ހުރެދާނެކަމަށާއި، އެފަދަ ސޫޓެއް ލައިގެން ކަނޑުމަތީގައި އޮތް ލޯންޗެއްގެ ސެލޫން އޭރިއާފަދަ ހަނި ތަންތަނުގައި ހަރަކާތެރިވާން ފަސޭހައެއް ނުވާނެކަމަށް އަޙްމަދު ޚަލީލު ބުނެފައިވެއެވެ. ބަލައި ފާސްކުރާއިރު ޝައްކުކުރެވޭ އެއްޗެއް ނުފެންނަ ހާލަތުގައި އާދައިގެ މަތިން ލާ ޔުނިފޯމު ލައިގެންވެސް ތަނެއް ސާރޗު ކުރެވިދާނެކަމަށް އަޙްމަދު ޚަލީލު އިތުރަށް ބުނެފައިވެއެވެ.

އެތަނުން ހެކި ނަގަން އަޙްމަދު ތިހާމްއާއި މޫސާ ޒަމީރަށް އެންގީ އަޙްމަދު ފަޔާޟް ޢަލީ ރިޟާ ކަމަށް އަޙްމަދު ފަޔާޟް ޢަލީ ރިޟާ ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވެއެވެ. އަދި އެގޮތަށް އެންގީ ސިފައިންގެ އިސްކޮށްހުރި ފަރާތް އެކަންކުރުމަށް އަޙްމަދު ފަޔާޟް ޢަލީ ރިޟާއަށް އެންގުމުންކަމަށް އަޙްމަދު ފަޔާޟް ޢަލީ ރިޟާ ބުނެފައިވެއެވެ.

(ނ) އަޙްމަދު ތިހާމް ކުޅަ ކުށުގެ ޢަމަލާއި ނިޔަތް

އިސްވެ ފާހަގަކުރެވުނު ހެކިންގެ ބަހުންނާއި އަޙްމަދު ތިހާމްގެ ބަހުން އެނގެނީ އަޙްމަދު ތިހާމް ލޯންޗަށް އެރީ އީ.އޯ.ޑީ ޓީމުގެ މެންބަރެއްގެ ހައިސިއްޔަތުން ތަނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށްޓަކާކަމެވެ. ތަނުން ހެކި ނެގީ މުޙައްމަދު ޒިޔާދުކަމާއި އަދި އޭނާ ހުރީ އަންގި ލައްވައިގެންކަން އެނގެއެވެ. ލޯންޗު ބަލައިފާސްކުރިއިރު، އަޙްމަދު ތިހާމް ލޯންޗުގެ ސީޓުތައް ހިއްލައި ތަންތަން ބެލިކަން އެނގެއެވެ. މި ޢަމަލަކީ ދެވަނަ ގޮވާ އެއްޗެއް އޮތްތޯ ކަށަވަރުކުރަންދާއިރު ކުރާނެކަމެއްކަމަށް މި މައްސަލައިގައި ހެކިބަސް ދިން ޚަބީރު ބުނެފައިވެއެވެ. އަދި މިފަދަ ހާލަތެއްގައި އާދައިގެ ޔުނިފޯމުގައި ހުރެގެންވެސް ތަނެއް ބަލައި ފާސްކުރެވިދާނެކަމަށް ޚަބީރު އިތުރަށް ބުނެފައިވެއެވެ.

އަޙްމަދު ތިހާމް ލޯންޗު ބަލައި ފާސްކުރިއިރު އެއްވެސް ރައްކާތެރިކަމެއް ނެތި މައްސަލައިގެ ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެހި ކުށުގެ ވެށިން ނަގައިގެން ގެންދިޔަކަމަށް ބުނާ ބުނުމަށް ބަލާއިރު، މިފަދަ ހާލަތެއްގައި ޢަމަލުކުރަންޖެހޭ އުސޫލެއް ނުވަތަ ސްޓޭންޑަޑް އޮފް ޕްރޮސީޖަރއެއް ސިފައިންގެ ތެރޭގައި ލިޔެވިފައިނުވެއެވެ. މި މައްސަލައިގައި އަޙްމަދު ތިހާމް ފިޔަވައި ދެން ދަޢުވާކުރެވުނު މީހުންނާއި، މި މައްސަލައިގައި ހެކިބަސްދިން ޚަބީރު ފިޔަވައި ދެން ހެކިބަސްދިން ގިނަ ސިފައިން ބުނެފައިވަނީ މި ތަނަކީ މިއީ ކްރައިމް ސީނެއް، ނުވަތަ ފުލުހުން ތަޙުޤީޤުކުރާނެ ތަނެއްކަމަށް އެއްވެސް ފަރާތަކުން އަންގާފައިނުވާކަމަށެވެ. މީގެ އިތުރުން، ގޮވާ އެއްޗެއް އޮތްތޯ ބެލުމަށްޓަކައި އީ.އޯ.ޑީ ޓީމުން ސާމްޕަލް ނަގައިގެން ޓެސްޓުކުރާކަން ހެކިންގެ ހެކިބަހުން އެނގެން އޮންނައިރު، މި ހާދިސާ ހިނގި ދުވަހު އަޙްމަދު ތިހާމް ހުޅުލެއަށްދާން ޖެހުނީ އީ.އޯ.ޑީ ޓީމުގެ އެކްސްޕްލޯސިވް ޑިޓެކްޓަރ ހަލާކުވެފައި ހުރުމުންކަމަށާއި، އެކްސްޕްލޯސިވް ޑިޓެކްޓަރއަށް އައު ސެންސަރ ކާޓްރިޖެއް ހޯދުމަށް އެއަހަރުގެ ޖުލައި މަހުގެ ކުރީކޮޅު އެދިފައިވާނެކަމަށް އަޙްމަދު ތިހާމް ބުނި ބުނުން ދައުލަތުންވެސް ނަފީކޮށްފައިނުވާކަން ފާހަގަކުރެވެއެވެ.

ހެކިންގެ ހެކިބަހުން، ޢާންމުކޮށް ތަންތަން ބަލައި ފާސްކުރަން ދާއިރު އީ.އޯ.ޑީ ޓީމުން އަންގި ނުލައްވާކަމާއި، އަދި ތަމްރީންތަކުގައިވެސް އަންގި ބޭނުންނުކުރާކަން އެނގެންއޮވެއެވެ. އަދި މިކަންކަމާ ގުޅޭ އުސޫލުތަކެއްވެސް ލިޔެވިފައިނުވާކަން އެނގެއެވެ. ތަނުން ސާމްޕަލް ނަގައި ޖޫސްޕެޓީ ކޮތަޅާއި ބާޒާރު ކޮތަޅަށް އެޅިއިރު، ސިފައިންގެ މައްޗަށް ތަޙުޤީޤީ އިދާރާގެ މެންޑޭޓް ހިނގާނެ ހާލަތުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލެއްވެސް، އަދި ތަނުން ހެކި ނަގައިގެން ގެންދިއުމަށް ބޭނުންކުރާނެ އެކަށީގެންވާ ވަސީލަތްތައް ހޯދުމަށް ކަމާގުޅޭ ތަޙުޤީޤީ އިދާރާގެ އެހީތެރިކަން ހޯދުމުގައި ޢަމަލުކުރާނެ ގޮތެއް އެމް.އެން.ޑީ.އެފްއިން ކަނޑައަޅާފައިނުވެއެވެ.

މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތުން، ތަހުޤީޤުކުރެވޭނެ ތަނެއްގައި ފުލުހުންގެ ދައުރާއި ޤާނޫނު އޮންނަގޮތާ މެދު މި މައްސަލައިގައި ހަރަކާތްތެރިވި ސިފައިން އަހުލުވެރިނުވާކަން ފާހަގަކުރެވެއެވެ. އަދި މިފަދަ ހައްސާސީ ހާލަތެއްގައި ސިފައިންގެ ޢަމަލުތައް ތަރުތީބުވެގެން އަންނަ ގޮތާއި އަދި ތަހުޤީޤީ އިދާރާގެ ބާރު ހިނގާނެގޮތް ފަދަ ކަންކަމާމެދު ޢަމަލުކުރާނެ އެއްވެސް އުސޫލެއްވެސް ގަވާއިދެއްވެސް އެމް.އެން.ޑީއެފްއިން ހަދާފައިނުވެއެވެ. މި މައްސަލައިގައި އަންޕްރޮފެޝަނަލްކޮށް ޢަމަލުކޮށްފައިވަނީ ވަކި އެންމެ މީހެއް ނުވަތަ ދެމީހެއްކަމަށް އަހުރެންނަށް ޤަބޫލެއް ނުކުރެވެއެވެ. ހެކިން ދައްކާފައިވާ ވާހަކަތަކަށް ރިޢާޔަތްކުރުމުން، މިއީ މުޅި މުއައްސަސާއާ ހަމައިން އަޅަންޖެހޭ ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން، ހަމަ މަގުން ކައްސައިލައިގެން ހިނގާފައިވާ ކަމެއްކަމަށް ޤަބޫލުކުރެވެއެވެ. އެހެނީ، ފުލުހުން ލޯންޗަށް އެރުމުގެ ކުރިން އީ.އޯ.ޑީ ޓީމުން ސާމްޕަލް ނަގައިގެން ހުޅުލެއަށް ގޮސް އެ ސާމްޕަލްގެ ޓެސްޓު ހަދައި ނިންމައި، އެ ޓެސްޓުގެ ނަތީޖާ ހަމަ އެދުވަހު (28 ސެޕްޓެމްބަރ 2015) ސިފައިންގެ އިސް ވެރިންނަށް އަޙްމަދު ތިހާމް ރިޕޯޓުކުރިއިރު، ތަނުން ހެކި ނަގައިގެން ގެންދިއުން އެއީ މައްސަލައެއްކަމަށް ސިފައިންގެ ތެރޭގައި ބަލާފައިނުވެއެވެ. އެކަން މައްސަލައަކަށްވެގެން އަޙްމަދު ތިހާމްގެ ބަޔާނެއް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ނަގާފައިވަނީ 22 ޑިސެމްބަރ 2015 ގައެވެ. އެއީ ހާދިސާ ހިނގިތާ އެތައް ދުވަހެއް ފަހުންނެވެ.

ތަންތަނުގައި ގޮވާ ތަކެތި ހުރުމަކީ ދިވެހިރާއްޖެއަށް ޢާންމުކަމެއް ކަމުގައި ނުވިނަމަވެސް، އަދި އެފަދަ ހާލަތެއްގައި ސިފައިން ތަނުގެ ރައްކާތެރިކަން ކަށަވަރުކުރިނަމަވެސް، އެއަށްފަހު އެތަން ތަޙުޤީޤުކުރާނެކަމާއި، ތަހުޤީޤު ޓީމު އަރާއިރު ތަނުގައި އެއްޗެހި އެންމެ ފުރަތަމަ ހުރިގޮތަށް ހުރުމުގެ މުހިންމުކަމާއި، އަންގި ނުލައްވާގޮސް ހުރިހާ ތަނެއްގައި އަތްލުމުން ފިންގަރޕްރިންޓް އަރައި، ހެއްކަށް އަސަރުކުރުމުގެ ފުރުސަތު އޮންނާނެކަމާއި، އަދި ތަނުން އެއްޗެއް ގެންދާނަމަ، އެކަން ކުރެވޭނީ ތަހުޤީޤުކުރާ ފަރާތާ ގުޅިގެން ފަދަ ކަންކަމާމެދު އީ.އޯ.ޑީ ޓީމުންވެސް އަދި ޖުމްލަކޮށް، މުޅި ސިފައިންގެ މުއައްސަސާއިންވެސް ވިސްނާފައި އޮތްކަމަކަށް ނުބެލެވެއެވެ. އެހެންކަމުން، އަޙްމަދު ތިހާމް ރިޔާސީ ލޯންޗަށް އަރާފައިވަނީ އީ.އޯ.ޑީ ޓީމުގެ މެންބަރެއްގެ ހައިސިއްޔަތުން ކަމުގައިވާއިރު، ޤާނޫނުލްޢުޤޫބާތުގެ 530 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި، އެ ލޯންޗުން އަޙްމަދު ތިހާމް މާއްދީ ހެކި ނެތިކޮށްލަން، ނުވަތަ ބަދަލުކުރަން، ނުވަތަ ފޮރުވަން، ނުވަތަ ފާހަގަނުވާނެގޮތް ހަދަން، ނުވަތަ ދޮގު ހެކި ބެހެއްޓުމަށްޓަކައި ކޮށްފައިވާ ޢަމަލަކީ ކޮބައިކަން ދައުލަތަށް ސާފުކޮށް ބުނެދެވިފައިނުވެއެވެ. އަދި ބަހުސްގެ ބޭނުމަށްޓަކައި، ޤާނޫނުލްޢުޤޫބާތުގެ 530 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން، އަޙްމަދު ތިހާމް ދެވަނަ ގޮވާ އެއްޗެއް ހޯދުމަށްޓަކައި އަންގި ނުލައްވާ ސީޓުތައް އުފުލައި ތަން ބަލައި ފާސްކޮށް، ތަނުން ސާމްޕަލް ގެންދިއުމުގެ ޢަމަލަކީ ހެކި ބަދަލުކުރުމުގެ ޢަމަލެއްކަމުގައި ބެލިނަމަވެސް، ބުނެވުނު މާއްދާގެ ދަށުން ކުށް ސާބިތުވުމަށްޓަކައި ކުށްކުރުމުގެ ނިޔަތްވެސް ދައުލަތުން ސާބިތުކޮށްދޭންޖެހެއެވެ. އެގޮތުން، އަޙްމަދު ތިހާމް ކުށުގެ ވެށިން ތަކެތި ނެގުމުގައި ކަމާގުޅުންހުރި ވަސީލަތްތައް ބޭނުންކުރުމަކާ ނުލައި، އެއްވެސް ރައްކާތެރިކަމެއް ނެތި މައްސަލައިގެ ހެކީގެ ގޮތުގައި ބޭނުން ކުރެވިދާނެ އެއްޗެހި ކުށުގެ ވެށިން ނަގައިގެން ގެންދިޔައީ މީހަކު ހައްޔަރުކުރުމަށް، ނުވަތަ މީހެއްގެ މައްޗަށް ދަޢުވާއެއް އުފުލުމަށް، ނުވަތަ މީހަކު ދިފާޢެއް ހުށަހެޅުމަށް ހުރަސްއެޅުމުގެ މަޤުޞަދުގައި ނުވަތަ އެއިން ކަމެއް ހުއްޓުވުމުގެ މަޤުޞަދުގައިކަން ދައުލަތުން ސާބިތުކޮށްދޭންޖެހެއެވެ. މި މައްސަލައިގައި އަޙްމަދު ތިހާމް ރައްކާތެރި ވަސީލަތްތައް ބޭނުންކުރުމަކާ ނުލައި ތަނުން ސާމްޕަލް ނެގީ، ކާކު ހައްޔަރު ކުރުން ހުއްޓުވަންކަމެއް ނުވަތަ ހުރަސް އަޅާފައިވަނީ ކާކުގެ މައްޗަށް ދަޢުވާކުރުން ހުއްޓުވަންކަމެއް ނުވަތަ ކާކު ދިފާޢެއްގެ ގޮތުން އެތަކެތި ހުށަހެޅުން ހުއްޓުވުމުގެ ނުވަތަ މިއިން އެއްވެސް ކަމަކަށް ހުރަސް އެޅުމުގެ މަޤުޞަދުގައިކަމެއް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ބުނެދެވިފައިނުވެއެވެ.

އެހެންކަމުން، ޤާނޫނުލްޢުޤޫބާތުގެ 530 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން އަޙްމަދު ތިހާމްގެ މައްޗަށް ކުރި ދަޢުވާގައި، އެމާއްދާގެ ދަށުން އަޙްމަދު ތިހާމް ކުޅަ ޢަމަލާއި ނިޔަތް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުގެ ނަންބަރު 230/Cr-C/2016 ގަޒިއްޔާއާއި ހައިކޯޓުގެ ނަންބަރު 2016/HC-A/356 ގަޒިއްޔާގައި ކަނޑައަޅާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމުން، އެ ނިންމުމަށް ބަދަލު ގެންނަންޖެހޭކަމަށް އަހުރެންނަށް ޤަބޫލުކުރެވެއެވެ.

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔުމި މައްސަލައިގައި، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔުމި މައްސަލައިގައި، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

ޙުކުމް ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/356 ގަޒިއްޔާއާއި ކްރިމިނަލް ކޯޓުގެ ނަންބަރު 230/Cr-C/2016 ގަޒިއްޔާއިން އަޙްމަދު ތިހާމްގެ މައްޗަށް ކޮށްފައިވާ ޙުކުމް ބާޠިލުކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، ޙުކުމްކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

ޢާއިޝާ ޝުޖޫން މުޙައްމަދުއަޒްމިރާލްދާ ޒާހިރުޙުސްނުއްސުޢޫދު(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ