ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2021] SC 49 · 2019/SC-C/89ސުޕްރީމް ކޯޓު · 28 އޭޕްރީލް 2021

އަލީ ޝާހް ވ. ރައްޔިތުންގެ މަޖިލިސް

ސުޕްރީމް ކޯޓު
1 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 28 އޭޕްރީލް 2021ބާވަތް: ދުސްތޫރީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

2019/SC-C/89

ޝަރީއަތް ނިމުނުގޮތް

އަލީ ޝާހް ވ. ދައުލަތް (ރައްޔިތުންގެ މަޖިލިސް)

ފަނޑިޔާރުންގެ މަޖިލިސް

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުފަނޑިޔާރު ޙުސްނުއް ސުޢޫދުފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންނިމުނު ތާރީޚު

28 އޭޕްރިލް 2021މައްސަލަ ރައްދުވާ ފަރާތް

މައްސަލަ ހުށަހެޅި ފަރާތް

ދައުލަތް (ރައްޔިތުންގެ މަޖިލިސް)

އަލީ ޝާހް

ބަދަލުގައި: ޤާނޫނީ ވަކީލު: ސީނިއަރ ސްޓޭޓް ކައުންސެލް އަލްއުސްތާޛާ ޙައްވާ ސަނާ،ސީނިއަރ ސްޓޭޓް އެޓާރނީ އަލްއުސްތާޛު އަޙްމަދު ނަޝާތު،

ސީނިއަރ ސްޓޭޓް އެޓަރނީ އަލްއުސްތާޛު ޢަލީ ޝުހައިލް މުޙައްމަދު ދުސްތޫރީ މައްސަލަ – ދުސްތޫރީ މައްސަލަ ބެލުމުގެ އިޚްތިސާސް - ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 7 ވަނަ މާއްދާއާއި 141 ވަނަ މާއްދާގެ (ށ) - ގާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ގާނޫނު) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު - ގާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު) ގެ 9 ވަނަ މާއްދާ އާއި 11 ވަނަ މާއްދާ އާއި 36 ވަނަ މާއްދާއާއި 37 ވަނަ މާއްދާ - ފުރަތަމަ މަރުހާލާގެ ކޯޓެއްގެ ގޮތުގައި ހައިކޯޓަށް ހުށަހެޅޭ ދުސްތޫރީ މައްސަލަތައް`

އަލީ ޝާހް ވ. ދައުލަތް (ރައްޔިތުންގެ މަޖިލިސް)

ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު (ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް އަދި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު އަދި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ތާއީދު ކުރައްވާފައި)

ތައާރަފު

މި މައްސަލައަކީ، ގާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ގާނޫނު) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު (ގާނޫނު ނަންބަރު 2019/11) ގެ 12 ވަނަ މާއްދާއާއި، 13 ވަނަ މާއްދާއާއި 14 ވަނަ މާއްދާއަކީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 7 ވަނަ މާއްދާއާއި 141 ވަނަ މާއްދާއާ ޚިލާފު މާއްދާތަކެއް ކަމަށް ބުނެ، އެ މާއްދާތަކަށް އެއްވެސް ސިފައެއްގައި އަމަލު ނުކުރެވޭނެކަމަށް ކަނޑައަޅައި ދިނުމަށް އެދި، ގއ. ވިލިނގިލި، ބީޗްހައުސް، އަލީ ޝާހް (މީގެފަހުން "އަލީ ޝާހް" ނުވަތަ "މައްސަލަ ހުށަހެޅި ފަރާތް" ބުނެފައިވާ ފަރާތުން) ސުޕްރީމް ކޯޓަށް ހުށަހެޅުމުން، ސުޕްރީމް ކޯޓުން ބެލި މައްސަލައެކެވެ. މި މައްސަލަ ރައްދުވާ ފަރާތަކީ ދައުލަތް (ރައްޔިތުންގެ މަޖިލިސް) އެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅުނު ނުކުތާތައް

ގާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ގާނޫނު) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު (ގާނޫނު ނަންބަރު 2019/11) ގެ 12 ވަނަ މާއްދާއާއި، 13 ވަނަ މާއްދާއާއި 14 ވަނަ މާއްދާއަކީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 7 ވަނަ މާއްދާއާއި 141 ވަނަ މާއްދާއާ ޚިލާފުވާ މާއްދާތަކެއް ކަމަށް މައްސަލަ ހުށަހެޅި ފަރާތުން ބުނެފައިވާ މައިގަނޑު ސަބަބުތައް ތިރީގައިމިވަނީއެވެ.

(ހ) ގާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ގާނޫނު) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު (ގާނޫނު ނަންބަރު 2019/11) ގެ 12 ވަނަ މާއްދާއާއި، 13 ވަނަ މާއްދާއާއި 14 ވަނަ މާއްދާ އިސްލާހު ކުރުމުގެ ސަބަބުން ދިވެހިރާއްޖޭގެ އަދުލު އިންސާފު ގާއިމު ކުރުމުގެ ބާރުގެ އާންމު އިދާރީ ނިޒާމާއި، ތަމްރީނާއި، ތަރައްގީގެ އެންމެހައި މަސައްކަތްތައް އެ ބާރުގެ ބެލުމުގެ ދަށުން ބޭރުވެ، އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ މުޅި ނިޒާމު ބޮއްސުން ލައިގެން ހިނގައިދާނެކަމަށާއި، އަދި ގާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ށ) ގެ ދަށުން އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ އެންމެ އިސް ފަރާތް ކަމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ހަމަޖެހިފައި އޮތް އޮތުމަށް ބުރޫ އަރައި، އެ މާއްދާގެ ބާރު ކެނޑި، އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ އެންމެ އިސްފަރާތުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ނުކުޅެދި، ދައުލަތުގެ އެއް ބާރުގެ މިނިވަންކަމާއި މުސްތަގިއްލުކަމަށް ބުރޫ އަރައި އެ ބާރުގެ ދުސްތޫރީ އަދި ގާނޫނީ ވާޖިބުތައް އަދާ ކުރުމަށް ނުކުޅެދިދާނެކަން.

(ށ) ގާނޫނުއަސާސީ އިން ދައުލަތުގެ ތިން ބާރު ވަކި ކޮށްފައިވާއިރު، އަދުލު އިންސާފު ގާއިމުކުރުމުގެ ހުރިހާ ބާރެއް ދުސްތޫރީ ގޮތުން ހަވާލުކޮށްފައިވަނީ، ގާނޫނުއަސާސީގެ 7 ވަނަ މާއްދާއާއި، 141 ވަނަ މާއްދާގެ (ހ) އިން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި، ދިވެހިރާއްޖޭގެ ހައިކޯޓާއި، ރައްޔިތުންގެ މަޖިލީހުން ހަދާ ގާނޫނަކުން އުފައްދާ ދަށު ކޯޓުތަކަށެވެ. ހަމައެހެންމެ، ޝަރުއީ ކޯޓުތައް ހިންގުމުގެ ތެރެއިން، ގާނޫނުއަސާސީއާއި އަދި ގާނޫނުއަސާސީއާ ޚިލާފުނުވާ ގޮތުގެ މަތިން ހަދާ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން އަދުލު އިންސާފު ގާއިމުކުރުމަށްޓަކައި، ކޯޓުތަކުން ކުރާ އެންމެހައި ކަންތައްތައް ރައްކައުތެރިކޮށް އިދާރީ ހިންގުމާބެހޭ ގަވާއިދު ހެދުމަކީ ކޯޓުތަކަށް ގާނޫނުއަސާސީގެ 156 ވަނަ މާއްދާގެ ސަރީހަ ނައްޞުން ދީފައިވާ ބާރެކެވެ. ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަކީ އަދުލުއިންސާފު ގާއިމުކުރުމުގެ ބާރު ފިޔަވައި ދައުލަތުގެ އެހެން އެއްވެސް ބާރެއް ނުވަތަ މުއައްސަސާއެއްގެ ދުސްތޫރީ އަދި ގާނޫނީ މެންޑޭޓުގެ ތެރޭގައި ހިމެނޭ އެއްވެސް މަސްއޫލިއްޔަތެއް އަދާކުރާ އިދާރާއެއް ނޫނެވެ. އެހެންކަމުން، އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ އާންމު އިދާރީ ކަންކަމާއި، އެ ކަންކަން ހަވާލުކުރެވިފައިވާ އިދާރާ، އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ ތެރެއިން ބޭރުކޮށް، ކޯޓު އެޑްމިނިސްޓްރޭޝަނުގެ ތެރޭގައި ހިމެނޭ ޒިންމާތަކާއި މަސައްކަތްތަކާއި ބާރުތައް އަދުލުއިންސާފު ގާއިމުކުރުމުގެ ބާރާއި ޝަރުއީ ކޯޓުތަކުގެ ކިބައިން ނިގުޅައިގަނެ، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ދަށަށް ގެންދިއުމަކީ މި ބުނެވުނު ދުސްތޫރީ ނައްސުތަކާ ކަނޑައެޅިގެން ޚިލާފު ކަމެއް ކަން.

(ނ) ފަނޑިޔާރުގެއަކީ އެހެން ފަރާތެއްގެ ބާރުގެ ދަށުގައި އޮންނަ އިދާރީ ނިޒާމަކަށް ތަބާވެގެން މަސައްކަތްކުރަންޖެހޭ ތަނެއް ކަމަށް ހެދުމަކީ، މިނިވަން އަދި ޑިމޮކްރެޓިކް މުޖުތަމައު ތަކާއި ބައިނަލް އަގްވާމީ އުސޫލުތަކުގައި ކަނޑައެޅި ބަޔާންވެފައިވާ ގޮތުގެމަތިން ޖުޑީޝަރީއަށް ކަށަވަރު ކޮށްދޭންޖެހޭ އިންސްޓިޓިޔުޝަނަލް އިންޑިޕެންޑެންސް ނިގުޅައިގަތުންކަން.

(ރ)ދިވެހި ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއް ބާރުގެ އެންމެ އިސް ފަރާތް ކަމުގައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމެއް، ޚާއްސަކޮށް އަދުލުއިންސާފުގެ ބާރުގެ އެތެރޭގެ އިދާރީ ނިޒާމާ ބެހޭ ކަމެއްގައި ދުސްތޫރީ ގޮތުން ނިންމާފައިވާ ނިންމުމެއް ބަދަލުކޮށް، އެ ނިންމުމާ ޚިލާފަށް ގާނޫނު ހެދުމަކީ ބައިނަލްއަގްވާމީ މިންގަނޑުތައް ވެސް މުގުރައިލުމެވެ. އަދި މިފަދަ ކަންކަމުގެ ސަބަބުން، ދިވެހި ދައުލަތަކީ ޑިމޮކްރަސީއާއި، ގާނޫނުގެ ހުކުމާއި، ބާރުތައް ވަކިވެފައި އޮތުމާއި، ފަނޑިޔާރުގޭގެ މިނިވަންކަން ފަދަ އާލަމީ މަބްދައުތަކާއި، ހެޔޮ ޑިމޮކްރަސީއަށް އިހުތިރާމް ނުކުރާ ދައުލަތެއް ކަމަށް ބެލެވި، ގައުމުގެ ޝަރަފާއި އަބުރަށް ވެސް އުނިކަމާއި ނިކަމެތިކަން ލިބިގެންދާނެކަން އެނގެއެވެ. އަދި ސުޕްރީމް ކޯޓުގެ ނަންބަރު 2008/SC-RU/01 ރޫލިންގ އިން ނިންމާފައިވާ ނިންމުންތައް ނިންމުމަށްޓަކައި ގާނޫނު ހެދުމާއި، ގާނޫނު އިސްލާހު ކުރުމަކީ މިގޮތުން އެއްވެސް ހާލެއްގައި ކޮށްގެން ނުވާނެ ކަމެއްކަން.

(ބ) ޖުޑީޝަލް ސަރވިސް ކޮމިޝަން އިސްލާހުކޮށް ސިޔާސީ ނުފޫޒުން އެ ކޮމިޝަން މިނިވަންވާނެ ގޮތަކަށް އެ ކޮމިޝަން އެކުލެވިގެންވާގޮތް ބަދަލު ކުރަންޖެހިފައި އޮތް ދަނޑިވަޅެއްގައި، އެކަން ކުރުމުގެ ބަދަލުގައި ފަނޑިޔާރުގޭގެ މިނިވަންކަމަށް މިހާރަށް ވުރެ ވެސް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، މިނިވަން ފަނޑިޔާރުގެއެއްގެ ހިޔާވަހިކަމުން ދިވެހި ރައްޔިތުން މަހުރޫމު ވެގެންދާނެ ފިޔަވަޅެކެވެ. އަދި އެއީ ދިވެހިރާއްޖޭގައި ގާނޫނުގެ ހުކުމް ކަށަވަރުވެފައި އޮތުމާއި، ދައުލަތުގެ ބާރުތައް ވަކިވެފައި އޮތުމާއި، މިނިވަން ފަނޑިޔާރުގެއެއް ގާއިމުވެފައި އޮތުމުގެ ދުސްތޫރީ ގެރެންޓީތައް ލިބުމަށްފަހު، އެ އުސޫލުތައް ދޫކޮށްލައި ފަހަތަށް އެޅޭ ފިޔަވަޅެއް ކަމުގައި މެނުވީ ނުވާނެ ކަމެއް ކަން.

(ޅ)ދިވެހިރާއްޖޭގެ އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ އާންމު އިދާރީ ކަންކަމާއި، ސެންޓްރަލް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ މަސައްކަތްތައް ހަވާލު ކުރެވިފައިވާ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން، އަދުލުއިންސާފު ގާއިމުކުރުމުގެ ބާރުގެ ދަށުން ވަކިކޮށް، ޖުޑީޝަލް ސަރވިސް ކޮމިޝަން ވިޔަސް، އަދި ފަނޑިޔާރުގެއިން ބޭރު އެހެން އެއްވެސް ފަރާތަކާ ހަވާލު ކުރުމަކީ މި ދެންނެވި އުސޫލުތަކާ ވެސް މުޅިން ޚިލާފަށް، ޒަމާނީ އަދި ތަހުޒީބީ މުޖުތަމައުތަކުގައި ބަލައިގަނެފައިވާ ބެސްޓް ޕްރެކްޓިސްއާ ވެސް ފުށުއަރާ ގޮތެއްގައި ކުރެވޭ ކަމެއްކަން.

(ކ)މިޒަމާނުގައި ކުރިއަރާފައިވާ މުޖުތަމައު ތަކުގައި ވެސް، ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ކަންކަން ހިނގަނީ ޖުޑީޝަރީ ނުވަތަ އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ ދަށުންނެވެ. ފަނޑިޔާރުން އައްޔަންކުރުމާއި، ފަނޑިޔާރުން ވަކިކުރުމާއި، ފަނޑިޔާރުން ޖަވާބުދާރީ ކުރުވުމުގައި ދައުރުތަކެއް އަދާކުރާ މިނިވަން މުއައްސަސާއެއްގެ ދަށުގައި ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އޮތުމަކީ ކުރިއަރާފައިވާ ޖުރިސްޑިކްޝަންތަކުގެ ތެރެއިން އެއްވެސް ތަނެއްގައި އަމަލުކުރާ ގޮތެއް ނޫން ކަން.

(އ)ދިވެހިރާއްޖޭގެ ޖުޑީޝަލް އެކެޑަމީއަކީ، ވަކި ފަރާތަކަށް ބުރަވުމެއް ނެތި، މުސްތަގިއްލުކަމާއި ނަޒާހަތްތެރިކަމާއި އަވަސްކަމާއި އިންސާފުވެރިކަމާއެކު ޝަރީއަތް ކުރުމަށް، ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 7 ވަނަ މާއްދާއާއި، 141 ވަނަ މާއްދާއާއި، ގާނޫނުއަސާސީގެ އެހެނިހެންވެސް ކަމާގުޅޭ މާއްދާތަކުން ދިވެހިރާއްޖޭގެ އަދުލު އިންސާފުގެ ބާރަށް މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާ ކުރެވޭނީ، އަދި ގާނޫނުއަސާސީ އާއި ގާނޫނުތައް ނަގަހައްޓައި، ރައްޔިތުންގެ ހައްޤުތަކާއި އާންމު މަސްލަހަތުތައް ގާޟާއީ ގޮތުން ރައްކައުތެރިކޮށް ހިމާޔަތް ކުރެވޭނީ އިލްމީ ގޮތުންނާއި ފަންނީ ގޮތުން ގާބިލު ފަނޑިޔާރުގެއެއް ބިނާކޮށްގެން ކަމަށް ވީ ހިނދު، އަދި އެކަން ކުރެވޭނީ ހަރުދަނާކަމާއެކު ގާއިމުވެފައިވާ މުއައްސަސާއެއްގެ ތެރެއިން، ޕްރޮފެޝަނަލް ގޮތެއްގައި ފަނޑިޔާރުންނާއި ޝަރުއީ ކޯޓުތަކުގެ މުވައްޒަފުންނަށް ކޮންޓިނިޔުޑް ޖުޑީޝަލް އެންޑް ލީގަލް އެޑިޔުކޭޝަނާއި އިން-ސަރވިސް ތަމްރީނުގެ ނިޒާމުގެ ތެރެއިން ކަމަށް ވީ ހިނދު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ގާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ށ) އާއި، 156 ވަނަ މާއްދާއިން ލިބިދޭ ބާރާއި އިޚްތިޔާރުގެ ދަށުން، 16 ޛުލްގައިދާ 1436، (31 އޮގަސްޓު 2015) ގައި ނެރުނު ސަރކިއުލަރ ނަންބަރު 2015/11/SC ގައި ބަޔާންކުރެވިގެންވާ ގޮތުގެމަތިން، ސުޕްރީމް ކޯޓުން އުފައްދާފައިވާ، އަދި އެ ކޯޓުގެ ދަށުން ހިނގަމުންދާ، އަދުލު އިންސާފުގެ ބާރުގެ އިދާރީ ނިޒާމުގެ ތެރޭގައި ހިމެނޭ، އަދި ނަންބަރު 2015/11/SC ސަރކިއުލަރ އާއެކު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އާންމު ކުރެއްވި ދިވެހިރާއްޖޭގެ ޖުޑީޝަލް އެކެޑަމީ ހިންގުމާބެހޭ ގަވާއިދާ އެއްގޮތަށް ހިނގަމުންދާ މުއައްސަސާއެއްކަން.

(ވ)ދިވެހިރާއްޖޭގައި އަދުލު އިންސާފު ގާއިމުކުރުމުގެ އެންމެ އިސް ފަރާތަކީ ސުޕްރީމް ކޯޓުކަމަށް ގާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ށ) ގައި އޮންނަ އޮތުމާމެދު، މި ކޯޓުން 09 ރަބީއުލްއާޚިރު 1432 (14 މާރިޗު 2011) ގައި ނެރުނު ރޫލިންގ ނަންބަރު 2011/SC-RU/02 ގައި ބަޔާންކުރެވިފައިވާ ފަދައިން، ދިވެހި ދައުލަތުގެ ތިން ބާރުގެ ތެރެއިން އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ އެންމެ މަތީ ވެރިކަމާއި ވިލާޔަތު ނުވަތަ ދިވެހިރާއްޖޭގައި އަދުލު އިންސާފު ގާއިމުކުރުމު ސުޕްރީމް ޖުޑީޝަލް އޮތޯރިޓީއަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުކަމާއި، އެ ހައިސިއްޔަތާއި ބާރުގެ ސަބަބުން، ރާއްޖޭގެ ޝަރުއީ ދާއިރާ ތަރައްގީކޮށް އިސްލާހު ކުރުމާއި، އަދުލު އިންސާފަށް ފަސޭހައިން ވާސިލުވުން ކަށަވަރު ކޮށްދިނުމަށްޓަކައި އަދުލު އިންސާފު ގާއިމުކުރުމުގެ ބާރު ހަރުދަނާކޮށް ޒަމާނީ ކުރުމާބެހޭ އެންމެހައި ކަންކަން ރާވައި އިންތިޒާމު ކުރުމާއި، ބާރު ދުސްތޫރީ ގޮތުންނާއި ގާނޫނީ ގޮތުން ލިބިގެންވާ ފަރާތަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުކަން އެ މާއްދާއިން އެނގޭކަން ކަށަވަރު ވާކަމާއި، އަދި މި އުސޫލުތަކުގެ ދަށުން ފަނޑިޔާރުގޭގެ އަދި ޝަރުއީ ކޯޓުތަކާއި އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ ނޮން-ޖުޑީޝަލް ފަންކްޝަންތައް އަދާކުރާ އިދާރާތަކުގެ ބެލެނިވެރިފަރާތަކީ ސުޕްރީމް ކޯޓުކަން އެއްވެސް އޮޅުމެއް ނެތި ކަށަވަރުވާ ކަމާއި، އެހެންކަމުން، އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ ދަށުގައި ހިމެނޭ ޝަރުއީ ކޯޓުތައް ފިޔަވައި އެހެން އިދާރާތަކާއި މުއައްސަސާތަކާއި އޮފީސްތައް ގާއިމުކުރެވޭނީ ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުން، އެ ކޯޓުން ކަނޑައަޅާ ގޮތަކަށް ހިނގަމުންދާނެ އުސޫލަކުންކަން އެއީ ހަމަ ބުއްދިއާއި މަންތިގީ ހަމަތައް ނިޔާކުރާ ގޮތްކަމާއި، ޝަރުއީ އަދި ގާނޫނީ ގޮތުން ކަން ގެންދެވޭނެ އެހެން އެއްވެސް ހަމައެއް ނުވަތަ އުސޫލެއް ނެތްކަން.

މައްސަލަ ރައްދުވާ ފަރާތުން ހުށަހެޅި އިޖުރާއީ އިއުތިރާޒް

މި މައްސަލައަކީ، ގާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާފަދަ ދުސްތޫރީ މައްސަލައެއް ކަމަށާއި، މި މައްސަލައަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 11 ވަނަ މާއްދާގައި ބަޔާންކުރާ ސިފަތައް ލިބިގެންވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ބެލުމުގެ އަސްލީ އިޚްތިސާސް ލިބިގެންވާ މައްސަލައެއް ނޫންކަމަށާއި، މި ބާވަތުގެ މައްސަލައެއް ފުރަތަމަ މަރުހަލާގައިވެސް ހުށަހަޅަންޖެހޭނީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 37 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގެ ހައިކޯޓަށް ކަމަށާއި، މި މައްސަލައަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިޚްތިސާސްގެ ތެރެއިން ބެލެވޭނެ މައްސަލައެއް ނޫން ކަމަށް ބުނެ، މައްސަލަ ރައްދުވާ ފަރާތުން އިޖުރާއީ އިއުތިރާޒެއް ހުށަހަޅައި، އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.

(ހ)ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 9 ވަނަ މާއްދާގައި ސުޕްރީމް ކޯޓަށް ބެލުމުގެ އިޚްތިސާސް ލިބިފައިވާ މައްސަލަތައް ބަޔާންކޮށްފައިވާ ކަމާއި، އެގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިޚްތިސާސް ލިބިގެންވަނީ، ހަމައެކަނި ސުޕްރީމް ކޯޓުން ބެލޭނެކަމަށް އެ ގާނޫނުގެ 10 ވަނަ މާއްދާގައި ބަޔާންކުރާ މައްސަލަތަކާއި، އެ ގާނޫނުގެ 11 ވަނަ މާއްދާގައި ބަޔާންކުރާ ސުޕްރީމް ކޯޓުގެ އަސްލީ އިޚްތިސާސް ލިބިފައިވާ މައްސަލަތަކާއި، ހައިކޯޓުން ނިންމާ މައްސަލަތަކުގެ ތެރެއިން އެ ގާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ސުޕްރީމް ކޯޓަށް އިސްތިއުނާފަށް ހުށަހެޅޭ މައްސަލަތަކާއި ، އަދި ހަމަ އެ ގާނޫނުގެ 13 ވަނަ މާއްދާގެ ދަށުން ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފަޔަށް އެދި ހުށަހެޅޭ މައްސަލަތައް ބެލުން ކަމުގައި ބަޔާންކޮށްފައިވާ ކަން.

(ށ)ސުޕްރީމް ކޯޓުގެ އަސްލީ އިޚްތިސާސް ލިބިގެންވާ ދުސްތޫރީ މައްސަލަތައް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 11 ވަނަ މާއްދާގައި ބަޔާންވެފައިވާއިރު، އެ މައްސަލައަކީ ގައުމު ދުސްތޫރީ ހުސްކަމަކަށް ހިނގައިދާނެ ނުވަތަ ދުސްތޫރީ ނިޒާމުން ބޭރުވާނެފަދަ ގާނޫނީ ސަބަބުތަކެއް އެކުލެވިގެންވާ މައްސަލައަކަށްވުމާއި، އެ މައްސަލައަކީ ދައުލަތުގެ ދެ މުއައްސަސާއެއްގެ ދެމެދުގައި ނުވަތަ ދެބާރެއްގެ ދެމެދުގައި ގާނޫނުއަސާސީ މާނަކުރުމާ ގުޅޭގޮތުން އުފެދޭ މައްސަލައަކަށް ވުން ނުވަތަ އެ މައްސަލައަކީ ގައުމުގެ އާންމު މަސްލަހަތާ ގުޅިފައިވާ ދުސްތޫރީ މައްސަލައަކަށް ވުން ކަމުގައި ބަޔާންކޮށްފައިވާ ކަން.

(ނ)ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 36 ވަނަ މާއްދާގައި ހައިކޯޓަށް ބެލުމުގެ އިޚްތިސާސް ލިބިފައިވާ މައްސަލަތައް ބަޔާންކޮށްފައިވާ ކަމަށާއި، އެ މާއްދާގެ (ށ) ގައި، ހައިކޯޓުގެ އަސްލީ އިޚްތިސާސް ލިބިފައިވާ މައްސަލަތައް ކަމުގައި އެ ގާނޫނުގެ 37 ވަނަ މާއްދާގައި ބަޔާންކުރާ މައްސަލަތައް ހިމެނޭ ކަމަށް އެނގެން އޮންނަ ކަމަށާއި، އެގޮތުން އިސްވެދެންނެވުނު މާއްދާގައި ބަޔާންކޮށްފައިވަނީ ދުސްތޫރީ މައްސަލަތަކުގެ ތެރެއިން، ގާނޫނުއަސާސީއާއި އެ ގާނޫނުގެ ދަށުން ސުޕްރީމް ކޯޓުން ބަލައިގަންނަ މައްސަލަތައް ފިޔަވައި، ގާނޫނެއް ނުވަތަ ގާނޫނެއްގެ ބައެއް ގާނޫނުއަސާސީއާ ތައާރަޒުވާކަމަށް ބަޔާންކޮށް ހުށަހަޅާ މައްސަލަތަކާއި ގާނޫނަކުން ބާރުލިބިގެން ހަދާފައިވާ ގަވާއިދެއް ނުވަތަ އެ ގަވާއިދެއްގެ ބައެއް ގާނޫނުއަސާސީއާ ނުވަތަ ގާނޫނަކާ ތައާރަޒުވާކަމަށް ބަޔާންކޮށް ހުށަހަޅާ މައްސަލަތައް ފުރަތަމަ މަރުހަލާގައި ބެލުމުގެ އިޚްތިސާސް ހައިކޯޓަށް ލިބިގެންވާ ކަން.

އިޖުރާއީ އިއުތިރާޒަށް މައްސަލަ ހުށަހެޅި ފަރާތުން ދީފައިވާ ރައްދު

އިޖުރާއީ އިއުތިރާޒަށް ރައްދު ދެމުން މައްސަލަ ހުށަހެޅި ފަރާތުން މައިގަނޑު ގޮތެއްގައި ބުނެފައިވަނީ މި މައްސަލައަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގެ (1) ގައި ބަޔާންވެފައިވާ "އެ މައްސަލައަކީ ގައުމު ދުސްތޫރީ ހުސްކަމަކަށް ހިނގައިދާނެ ނުވަތަ ދުސްތޫރީ ނިޒާމުން ބޭރުވާނެފަދަ ގާނޫނީ ސަބަބުތަކެއް އެކުލެވިގެންވާ މައްސަލައެއް" ކަމަށެވެ. އެހެނީ މި މައްސަލައިގެ ޒާތާއި ތަބީއަތަށް ބަލާއިރު މި މައްސަލައަކީ ގާނޫނުއަސާސީއިން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެއް ކަމަށްވާ އަދުލުއިންސާފުގެ ނިޒާމާ ގުޅޭ ވަރަށް ޚުތޫރަތްތެރި މައްސަލައެއް ކަމަށެވެ. އަދި މައްސަލަ ހުށަހަޅާފަރާތުން ބުނެފައިވަނީ ގާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ގާނޫނު) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު (ގާނޫނު ނަންބަރު 2019/11) ގެ 12 ވަނަ މާއްދާއާއި، 13 ވަނަ މާއްދާއާއި 14 ވަނަ މާއްދާ އިން އަދުލު އިންސާފުގެ ނިޒާމަށް ގެނެސްފައިވާ ނިޒާމީ ބަދަލުތަކުގެ ސަބަބުން އަދުލު އިންސާފަށް ހުރަސް އެޅި އެކިއެކި ނުފޫޒުތަކަށް މަގުހުޅުވިފައިވާތީވެ، ގާނޫނަށް ގެނެވުނު އެ ބަދަލުތަކަކީ ދުސްތޫރީ ނިޒާމުން ބޭރުވާނެފަދަ ގާނޫނީ ސަބަބުތަކެއް އެކުލެވިގެންވާ މައްސަލައެއް ކަމަށެވެ. މީގެ އިތުރުން މައްސަލަ ހުށަހެޅި ފަރާތުން ބުނެފައިވަނީ މި މައްސަލައަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރަށްވެސް ފެތޭ "ގައުމުގެ އާންމު މަސްލަހަތާ ގުޅިފައިވާ ދުސްތޫރީ މައްސަލައެއް" ކަމަށެވެ. ސަބަބަކީ ގައުމުގައި އަދުލުއިންސާފު ގާއިމުކުރުމަކީ ގައުމުގެ އާންމު މަސްލަހަތާ ގުޅިފައި އޮންނަ ކަމަކަށްވާތީއެވެ.

ދުސްތޫރީ މައްސަލަތައް ބެލުމުގެ އިޚްތިސާސް

ދުސްތޫރީ މައްސަލަތައް ބެލުމަށް ކޯޓުތަކަށް އިޚްތިސާސް ދީފައިވަނީ ގާނޫނުއަސާސީގެ 143 ވަނަ މާއްދާއިންވެ. އެ މާއްދާގެ (ހ) ގައި ބަޔާންވެގެންވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނެއް ނުވަތަ ގާނޫނަކުން ބައެއް ވިޔަސް ގާނޫނުއަސާސީއާ ޚިލާފުވޭތޯ ބެލުމާއި، އެފަދަ މައްސަލަތަކުގައި ގޮތެއް ނިންމުމުގެ ބާރު ލިބިގެންވަނީ ހައިކޯޓަށާއި ސުޕްރީމް ކޯޓަށް ކަމަށެވެ. ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ތިން ހާލަތުންކުރެ ހާލަތަކަށް ފެތޭ ދުސްތޫރީ މައްސަލައެއް ނަމަ އެ ދުސްތޫރީ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ އިޚްތިޔާރު އެ މައްސަލަ ހުށަހަޅާ ފަރާތަށް ކޯޓުތަކާބެހޭ ގާނޫނުން ދީފައިވެއެވެ. ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ތިން ހާލަތަކީ:

އެ މައްސަލައަކީ ގައުމު ދުސްތޫރީ ހުސްކަމަކަށް ހިނގައިދާނެ ނުވަތަ ދުސްތޫރީ ނިޒާމުން ބޭރުވާނެފަދަ ގާނޫނީ ސަބަބުތަކެއް އެކުލެވިގެންވާ މައްސަލައަކަށްވުން؛ ނުވަތަ

އެ މައްސަލައަކީ ދައުލަތުގެ ދެ މުއައްސަސާއެއްގެ މެދުގައި ނުވަތަ ދެ ބާރެއްގެ ދެމެދުގައި ގާނޫނުއަސާސީ މާނަކުރުމާގުޅޭގޮތުން އުފެދޭ މައްސަލައަކަށްވުން؛ ނުވަތަ

އެ މައްސަލައަކީ ގައުމުގެ އާންމު މަސްލަހަތާ ގުޅިފައިވާ ދުސްތޫރީ މައްސަލައަކަށްވުން."

ވީމާ، މި މައްސަލައިގައި އެންމެ ފުރަތަމަ ސުޕްރީމް ކޯޓުން ގޮތެއް ނިންމަން ޖެހެނީ މި މައްސަލައަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދުސްތޫރީ މައްސަލަތަކުގެ ތިން ގީންތީގެ ތެރެއިން ގިންތިއަކަށް ފެތޭ މައްސަލައެއްތޯ ނުވަތަ ނޫންތޯ އެވެ.

އިސްވެ ބަޔާންކުރި ފަދައިން، މި މައްސަލައަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދުސްތޫރީ މައްސަލަތަކުގެ ގިންތިތަކުގެ ތެރެއިން ގިންތިއަކަށް ފެތޭ މައްސަލައެއް ނޫން ކަމަށް ބުނެ ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގެ ޝަރިއަތުގެ މަޖިލީހަށް ހުށަހެޅި އިއުތިރާޒާ ގުޅިގެން މައްސަލަ ހުށަހެޅި ފަރާތުން ބުނެފައިވަނީ މި މައްސަލައަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގެ (1) އާއި (3) އަށް ފެތޭ މައްސަލައެއް ކަމަށެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގެ (1) އާއި (3) އަށް ވަކިވަކިން ބަލައިލާނަމެވެ.

ދުސްތޫރީ ހުސްކަމަކަށް ހިނގައިދާނެ ނުވަތަ ދުސްތޫރީ ނިޒާމުން ބޭރުވާނެފަދަ މައްސަލަތައް

ކޯޓުތަކުގެ ގާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގެ (1) ގައި ދެ ހާލަތެއްގެ ވާހަކަ ބަޔާންކޮށްފައިވެއެވެ. އެއް ހާލަތަކީ ގައުމު ދުސްތޫރީ ހުސްކަމަކަށް ހިނގައިދާނެ ކަމަށް ބެލެވޭ ހާލަތާއި ގައުމު ދުސްތޫރީ ނިޒާމުން ބޭރުވާނެ ކަމަށް ބެލެވޭ ހާލަތެވެ.

ގައުމު ދުސްތޫރީ ހުސްކަމަކަށް ހިނގައިދާނެ ކަމަށް ބެލެވޭ ހާލަތަކީ ކޮބައިކަން ދޭހަ ކުރެވޭތޯ ފުރަތަމަ މަސައްކަތް ކުރާނަމެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަކީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީ ގައިވާ ގޮތުން އިސްތިއުނާފީ ކޯޓަކަށް ވުމުގެ އިތުރުން، ދިވެހި ދައުލަތުގައި ދުސްތޫރީ ކޯޓެއްގެ ވާޖިބު މަތިކުރެވިފައިވާ ކޯޓެއް ވެސް މެއެވެ. ދުސްތޫރީ މައްސަލަތަކުގެ ތެރެއިން ވަކި ބާވަތްތަކެއްގެ ދުސްތޫރީ މައްސަލަތަކެއް ބަލަންޖެހޭނީ ސުޕްރީމް ކޯޓުން ކަމަށް ކޯޓުތަކުގެ ގާނޫނުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެއް ސަބަބަކީ އެ މާއްދާގައި ބަޔާންކޮށްފައިވާ ދުސްތޫރީ ގޮތުން ހައްސާސީ މައްސަލަތަކުގައި އަވަސް ހައްލެއް ހޯދުމެވެ. އިތުރު މަރުހަލާއެއްގައި އެ މައްސަލަ ހިނގައި ދިއުމުން ވަގުތު ފާއިތުވެ ލަސްވެ ހިނގައްޖެ ނަމަ އެކަމުން ނިކުމެދާނެ ނޭދެވޭ ނަތީޖާތަކުން އެއްކިބާވުމެވެ.

ދުސްތޫރީ ހުސްކަމަކީ ގާނޫނުއަސާސީގެ ދަށުން ވަކިގޮތަކަށް އިންތިޒާމުކުރެވި، ވަކި ފަރާތަކާއި ދައުލަތުގެ ވަކި މަސްއޫލިއްޔަތެއް ހަވާލުކުރެވިފައިވަނިކޮށް، އެ މަސްއޫލިއްޔަތެއް އަދާކުރާނޭ ފަރާތެއް ނެތް ގޮތަށް މެދުވެރިވާ ހާލަތެވެ. އެ ހާލަތުގައި، ހައްލެއް ހޯދުމަށް ދުސްތޫރީ ކޯޓުގެ އެހީތެރިކަން ހޯދުމަކީ ބައެއް ޖުރިސްޑިކްޝަންތަކުގައި އަމަލުކުރާ ގޮތެކެވެ. 2008 ވަނަ އަހަރު ދިވެހިރާއްޖޭގެ ގާނޫނުއަސާސީ އަށް އަމަލުކުރަން ފެށިފަހުން އެފަދަ ހާލަތްތައް ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމުގައިވެސް މެދުވެރިވެފައި އެބަހުއްޓެވެ. 2013 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގެ ދައުރު ހަމަވުމުގެ ކުރިން ރިޔާސީ އިންތިޚާބު ބާއްވައި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް މީހަކު އިންތިޚާބު ނުކުރެވި އޮތުމުން، މެދުވެރިވި ހާލަތަކީ އޭގެ މިސާލެކެވެ.

11 ވަނަ މާއްދާގެ (ހ) ގެ (1) ގައި ބުނެފައިވާ ގައުމު ދުސްތޫރީ ނިޒާމުން ބޭރުވާނެ ކަމަށް ބެލެވޭ ހާލަތަކީ ކޮބައިތޯ ބަލާއިރު އެ ހާލަތަކީ އެއްވެސް ސަބަބަކާ ހުރެ ގާނޫނުއަސާސީއަށް ނުވަތަ ގާނޫނުއަސާސީގެ މައިގަނޑު ބަޔަކަށް އަމަލުކުރުމަށް ނުކުޅެދިގެންވާ ހާލަތަކަށް ގައުމު ދިއުމެވެ.

މަތީގައިވާ ދެ ހާލަތުގައި އެ ދުސްތޫރީ ހުސްކަން ފޫބެއްދުމަށްޓަކައި ސުޕްރީމް ކޯޓުގެ ދައުރެއް އޮންނަ ކަމަށް ބައެއް ޖުރިސްޑިކްޝަންތަކުގައި ގަބޫލުކޮށް އެ ގޮތަށް އަމަލުކުރެވެއެވެ.

މަތީގައި ބަޔާންކުރެވުނު ކަންކަމަށް ބަލާއިރު މައްސަލަ ހުށަހެޅި ފަރާތުން ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައަކީ ގައުމު ދުސްތޫރީ ހުސްކަމަކަށް ހިނގައިދާނެ ނުވަތަ ދުސްތޫރީ ނިޒާމުން ބޭރުވާނެފަދަ ގާނޫނީ ސަބަބުތަކެއް އެކުލެވިގެންވާ މައްސަލައެއް ކަމަށް އަހުރެންނަށް ބުރަނުވެވެއެވެ.

ގައުމުގެ އާންމު މަސްލަހަތާ ގުޅިފައިވާ ދުސްތޫރީ މައްސަލަ

ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގެ (3) ގައި ބުނެފައިވަނީ އެ މައްސަލައަކީ ގައުމުގެ އާންމު މަސްލަހަތާ ގުޅިފައިވާ ދުސްތޫރީ މައްސަލައެއް ކަމަށްވާނަމަ އެ މައްސަލައެއް ބެލުމުގެ އިޚްތިސާސް ސުޕްރީމް ކޯޓަށް ލިބިގެންވާ ކަމަށެވެ. މި މާއްދާއަށް ހަވާލާދީ ބައެއް މައްސަލަތައް މީގެ ކުރިން ސުޕްރީމް ކޯޓުން ބަލާފައިވެއެވެ.

މި މާއްދާގައި ބަޔާންކޮށްފައިވާ އާންމު މަސްލަހަތަކީ ކޮބައިކަން ދެނެގަނެވޭތޯ ބަލައިލާނަމަވެ. އާންމު މަސްލަހަތުގެ އާލަމީ ތައުރީފެއް ހޯދިފައި ނުވެއެވެ. އާންމު މަސްލަހަތަކީ ކޮބައިކަން އެކި މީހުން މާނަކުރަނީ އެކި ގޮތަށެވެ. ގިނަ ފަހަރަށް އެމީހަކު މި މަފްހޫމު މާނަކުރަނީ އޭނާ ހުންނަ އެނގަލުން ބެލުމުން އެމީހަކަށް އެ ހާލަތު ފެންނަ ގޮތަށެވެ. މި މަފްހޫމު މާނަކުރުމުގައި އެމީހަކު ގަބޫލުކުރާ ސިޔާސީ، އިގްތިސާދީ އަދި އިޖްތިމާއި އުސޫލުތަކުގެ ސަބަބުން އެ މީހަކު އާންމު މަސްލަހަތު މާނަކުރާ ގޮތުގައި ކުލަޖެހެއެވެ.

ބައެއް ފަރާތްތަކުން އާންމު މަސްލަހަތު މާނަކޮށްފައިވަނީ އެއީ ރައްޔިތު އެންމެންގެ މަންފާ ހިމެނޭ ކަންކަމާއި ރައްޔިތު އެންމެންގެ ހިއްސާ އެކުލެވޭ ކަންކަމުގެ ތެރެއިން ދައުލަތުން ހިމާޔަތްދީ ރައްކާތެރިކޮށްދޭންޖެހޭ ކަންކަންކަމުގެ ގޮތުގައެވެ. އެހެން ބައެއް ފަރާތްތަކުން އާންމު މަސްލަހަތު މާނަކޮށްފައިވަނީ އެކަމަކީ މުޅި ޖަމާއަތަށް އެންމެ ރަނގަޅު އެންމެ ލާބަ ހުރި ގޮތް ކަމުގައެވެ. މި މާނަކުރުން ތަކަށް ބަލާއިރު އެނގެން އޮތް ކަމަކީ އާންމު މަސްލަހަތު، މި މަފްހޫމަކީ ޣައިރުމައުލޫއީ މަފްހޫމެއް ކަމެވެ. ގާނޫނު ހަދާފަރާތުން، ގާނޫނެއްގައި މި މަފްހޫމު ބޭނުންކޮށްފައިވާ ނަމަ، އޭގެ ނަތީޖާއަކީ ސަރުކާރު ހިންގާ ފަރާތަށާއި ޝަރުއީ ކޯޓުތަކަށް އެ މަފްހޫމު މާނަކުރުމުގެ އިޚްތިޔާރު ހުޅުވިގެން ދިއުމެވެ. އެފަރާތެއްގެ ނަޒަރުގައި މުޅި ރައްޔިތު އެންމެންގެ ހެވަކީ ކޮބައިކަން ކަނޑައެޅުމަށް ގާނޫނުން ދޫކޮށްލުމެވެ. މީގެ އެއް މިސާލަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު (2014/1) ގެ 20 ވަނަ މާއްދާގެ (ށ) އެވެ. މި މާއްދާގައި ބުނެފައިވާ ގޮތުން ވަކި މައުލޫމާތަކަށް އެދުމުން އެ މައުލޫމާތެއް ދިނުމަށް އިންކާރުކުރުމަށްވުރެ އެ މައުލޫމާތު ދިނުމަކީ މުޅި ރައްޔިތުންގެ މަސްލަހަތު މާ ރަނގަޅަށް ހާސިލުވާނެ ކަމެއް ކަމުގައިވާނަމަ، އަދި އެ މައުލޫމާތު ހާމަނުކުރުމުން ރައްކާތެރިކުރެވޭ މަސްލަހަތަށްވުރެ އެ މައުލޫމާތު ހާމަކުރުމުން ރައްކާތެރިކުރެވޭ މަސްލަހަތު ބޮޑު ކަމުގައިވާނަމަ، އެ މައުލޫމާތެއް ދައުލަތުގެ އެ އިދާރާއަކުން ދޫކުރަންވާނެއެވެ. މި ހާލަތުގައި އާންމު މަސްލަހަތަކީ ކޮބައިކަން ކަނޑައެޅުމުގެ އިޚްތިޔާރު މިވަނީ ދައުލަތުގެ އެ އިދާރާއަކުން ކަނޑައެޅުމަށް ދޫކޮށްލެވިފައެވެ. އާންމު މަސްލަހަތު މާނަކުރާނީ އެ ފަރާތެއް އެ ހުންނަ ހާލަތަށާއި އެ ފަރާތަކުން ގަބޫލުކުރާ އުސޫލުތަކަށް ބުރަވެގެން ކަމަށް ވުމާއެކު އާންމު މަސްލަހަތުގައި ކަމަށް ބުނެ ނިންމާ ނިންމުމަކީ ގިނަފަހަރަށް އެއްގޮތް ނިންމުން ތަކަށް ނުވެއެވެ. އަހުރެންވެސް އެއްބަހެވެ. ކޯޓުތަކުގެ އިޚްތިޔާރުތައް ވަކި ހުދޫދެއްގެ ތެރޭގައި ހިފަހައްޓައި ނިންމުންތައް އެއްގޮތް ކުރުމަށް އެކުލަވައި އަމަލުކުރާ ހަމަތަކެއް ހުރެއެވެ. އެ ހަމަތަކުގެ އަލީގައި ކޯޓުތަކުން މި ފަދަ މަފްހޫމުތައް މާނަކުރުމުގައި އެއް ހަމައެއް ހިފެހެއްޓޭތޯ ބަލަމުން ގެންދެއެވެ.

އެހެންކަމުން ހުށަހެޅިފައިވާ މައްސަލައަކީ އާންމު މަސްލަހަތު ހިމެނޭ މައްސަލައެއްތޯ ނުވަތަ ނޫންތޯ ބަލާއިރު އަދުލުއިންސާފު ގާއިމުވުމަކީ މުޅި ދައުލަތުގެ ނިސްބަތުގައި، އެއްވެސް ތަފާތުކުރުމެއް ނެތި، ރައްޔިތު އެންމެންނަށް ކަށަވަރުކޮށްދޭންޖެހޭ ކަމަކަށް ވާ ހިނދު، އަދުލުއިންސާފުގެ ނިޒާމު ގާނޫނުއަސާސީއިން ގާއިމުކޮށްފައިވާ ގޮތަށް ބަދަލު އައިސް އަދުލު އިންސާފުގާއިމުކުރާ ފަނޑިޔާރުގޭގެ މިނިވަންކަން ގެއްލޭ ނަމަ، އެކަމަކީ އާންމު މަސްލަހަތާ ގުޅިފައި އޮންނާނެ ކަމެއް ކަމާމެދު އަހުރެން ޝައްކެއް ނުކުރަމެވެ. ނަމަވެސް، ގާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ގާނޫނު) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު (ގާނޫނު ނަންބަރު 2019/11) ގެ 12 ވަނަ މާއްދާއާއި، 13 ވަނަ މާއްދާއާއި 14 ވަނަ މާއްދާ ތައާރަފްކުރެވިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ތަނަވަސް އަޣުލަބިއްޔަތަކުން ކަމަށް ވެފައި ގާނޫނު ހަދާ ފަރާތުން، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ގާނޫނަށް އިސްލާހު ގެނެސްފައިވަނީ ޝަރުއީ ދާއިރާގެ އިދާރީ ހިންގުމަށް އެ ބަދަލުތައް ގެނައުމަކީ ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތުގެ ރައުޔުގައި، އާންމު ރައްޔިތުންނަށް އަދުލުއިންސާފު ކަށަވަރުކޮށްދިނުމަށްޓަކައި އާންމު މަސްލަހަތަށް އެންމެ މަންފާހުރި ގޮތް ކަމަށްވާތީ ކަމަށް ބުނެ އެ މަޖިލީހުގެ އަޣުލަބިއްޔަތުން އެގޮތަށް ވަކާލާތު ކުރާނެ ކަން ކަށަވަރެވެ. ގާނޫނު ހަދާ މަޖިލީހަކީ ރައްޔިތުން އިންތިޚާބުކޮށްފައިވާ ރައްޔިތުންގެ މަންދޫބުންތަކެއް ހިމެނޭ، ޑިމޮކްރެޓިކް މެންޑޭޓެއް އޮތް ފަރާތަކަށް ވެފައި އާންމު މަސްލަހަތަކީ ކޮބައިކަން ކޯޓުތަކުން ކަނޑައެޅުމަށްވުރެ ރައްޔިތުންގެ މަންދޫބުން ކަނޑައެޅުމަކީ ޑިމޮކްރެޓިކް ހަމަތަކާއި މާ ގާތްގޮތެކެވެ.

މިގޮތަށް މިކަން ބަޔާންކުރުމުގެ މާނައަކީ ކޮންމެހެން، ގާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ގާނޫނު) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު (ގާނޫނު ނަންބަރު 2019/11) ގެ 12 ވަނަ މާއްދާއާއި، 13 ވަނަ މާއްދާއާއި 14 ވަނަ މާއްދާ އަކީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 7 ވަނަ މާއްދާއާއި 141 ވަނަ މާއްދާއާ ޚިލާފު މާއްދާތަކެއް ތޯ ނުވަތަ ނޫންތޯ މިކޯޓުން ކަނޑައެޅުމެއް ނޫނެވެ. އެކަން ވަކިގޮތަކަށް ކަނޑައަޅާނީ މައްސަލަ ބެލުމުގެ އިޚްތިސާސް ލިބިގެންވާ ކޯޓަކުން މި މައްސަލަ މައުލޫއީ ގޮތުން ބެލުމަށްފަހު އެކޯޓަކުންނެވެ.

ގާނޫނެއް ގާނޫނުއަސާސީއާ ޚިލާފުވޭތޯ ބެލުމުގެ މައްސަލަތައް

މި ރައުޔުގެ އިސްވެދިޔަ 10 ވަނަ ޕެރެގްރާފުގައި ވެސް ފާހަގަކުރި ފަދައިން، ދުސްތޫރީ މައްސަލަތަކުގެ ތެރެއިން ވަކި ބާވަތްތަކެއްގެ ދުސްތޫރީ މައްސަލަތަކެއް ބަލަންޖެހޭނީ ސުޕްރީމް ކޯޓުން ކަމަށް ކޯޓުތަކުގެ ގާނޫނުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެއް ސަބަބަކީ އެ މާއްދާގައި ބަޔާންކޮށްފައިވާ ދުސްތޫރީ ގޮތުން ހައްސާސީ މައްސަލަތަކުގައި އަވަސް ހައްލެއް ހޯދުމެވެ. އިތުރު މަރުހަލާއެއްގައި އެ މައްސަލަ ހިނގައި ދިއުމުން ވަގުތު ފާއިތުވެ ލަސްވެ ހިނގައްޖެ ނަމަ އެކަމުން ނިކުމެދާނެ ނޭދެވޭ ނަތީޖާތަކުން އެއްކިބާވުމެވެ. މި މައްސަލައަކީ އޭގެ ޒާތަށް ބަލާއިރު އަވަސް ހައްލެއް ހޯދުމުގެ ޟަރޫރަތެއް އޮތް މައްސަލައެއް ކަމަށް އަހުރެންނަށް ބުރަ ނުވެވެއެވެ. ވީމާ މި މައްސަލައަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 37 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގެ ހައިކޯޓުން ފުރަތަމަ މަރުހަލާގައި ބަލަންޖެހޭ މައްސަލައެއް ކަމަށް ދެކެމެވެ.

ދުސްތޫރީ މައްސަލަތަކުގެ ތެރެއިން، ގާނޫނެއް ގާނޫނުއަސާސީއާ ޚިލާފުވޭތޯ ބެލުމަށްޓަކައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅިގެން އެންމެ ފުރަތަމަ ގޮތެއް ކަނޑައެޅުނު މައްސަލައަކީ ރައްޔިތުންގެ މަޖިލީހުގެ މައްޗަށް އިދުހާމް މުއިއްޒު އަދުނާން ހުށަހަޅައިގެން ބެލުނު ދުސްތޫރީ މައްސަލައެވެ. އެ މައްސަލައިގައި ސުޕްރީމް ކޯޓުން ބުނެފައިވަނީ:

"...މި ދައުވާ މައުޟޫއީގޮތުން ބެލުމުގެ ނަތީޖާއަކަށްވާނީ އިޝާރާތްކުރެވިފައިވާ ގާނޫނު ނުވަތަ އެގާނޫނުގެ ބައެއް ނަމަވެސް ގާނޫނުއަސާސީއާއި ޚިލާފުވޭތޯ ބެލުންކަމަށްވެފައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނެއް ނުވަތަ ގާނޫނަކުން ބައެއްވިޔަސް ގާނޫނުއަސާސީއާއި ޚިލާފުވޭތޯ ބެލުމާއި އެފަދަ މައްސަލަތަކުގައި ގޮތެއް ނިންމުމުގެ ބާރު ލިބިގެންވަނީ ހައިކޯޓަށާއި ސުޕްރީމް ކޯޓަށްކަމަށް ގާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާތީ، ދެ މަރުހަލާގެ ކޯޓަކަށް އިޚްތިސާސް ލިބިގެންވާކަމެއް ފުރަތަމަ ބަލަންޖެހޭނީ ސުޕްރީމް ކޯޓުން ނޫންކަން."

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ހުކުމުން ގާއިމުކުރެވިފައިވާ އުސޫލަކީ ދުސްތޫރީ މައްސަލަތަކުގެ ތެރެއިން، ގާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ބާވަތުގެ މައްސަލަތައް ކަމަށްވާ، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނެއް ނުވަތަ ގާނޫނަކުން ބައެއް ގާނޫނުއަސާސީއާ ޚިލާފުވޭތޯ ބެލުމުގެ މައްސަލަތައް، ފުރަތަމަ މަރުހަލާގައި ބަލަންވާނީ ދިވެހިރާއްޖޭގެ ހައިކޯޓުން ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ މައްޗަށް އިދުހާމް މުއިއްޒު އަދުނާން ހުށަހަޅައިގެން ބެލުނު ދުސްތޫރީ މައްސަލަ އަކީ ދިވެހިރާއްޖޭގެ ކޯޓުތަކާ ބެހޭ ގާނޫނު ފާސުކުރުމުގެ ކުރިން ސުޕްރީމް ކޯޓުން ބެލި މައްސަލައެއް ކަމަށްވުމުން، ދިވެހިރާއްޖޭގެ ކޯޓުތަކާ ބެހޭ ގާނޫނު ފާސުކުރުމަށް ފަހު ހުށަހެޅޭ ދުސްތޫރީ މައްސަލަތަކުގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނެއް ނުވަތަ ގާނޫނަކުން ބައެއްވިޔަސް ގާނޫނުއަސާސީއާއި ޚިލާފުވޭތޯ ބެލުމަށްޓަކައި ހުށަހެޅޭ މައްސަލައަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ގިންތިއަކަށް ފެތޭ މައްސަލައެއް ކަމަށް ނުވާނަމަ، ދުސްތޫރީ މައްސަލަތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނެއް ނުވަތަ ގާނޫނަކުން ބައެއްވިޔަސް ގާނޫނުއަސާސީއާއި ޚިލާފުވޭތޯ ބެލުމުގެ މައްސަލަތަކަކީ ފުރަތަމަ މަރުހަލާގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅަންޖެހޭނޭ މައްސަލަތަކެކެވެ.

މަތީގައި ބަޔާންކުރެވުނު ސަބަބަތައް އެހެން ހުރުމުން، ގާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ގާނޫނު) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު (ގާނޫނު ނަންބަރު 2019/11) ގެ 12 ވަނަ މާއްދާއާއި، 13 ވަނަ މާއްދާއާއި 14 ވަނަ މާއްދާއަކީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 7 ވަނަ މާއްދާއާއި 141 ވަނަ މާއްދާއާ ޚިލާފު މާއްދާތަކެއް ކަމަށް ބުނެ، އަލީ ޝާހް މި ކޯޓަށް ހުށަހަޅާފައި މިވާ މައްސަލަ ފުރަތަމަ މަރުހަލާގައި ބެލުމުގެ އިޚްތިސާސް މިކޯޓަށް ލިބިގެންވާ ކަމަށް ގަބޫލެއް ނުކުރެވެއެވެ.

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު

މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު މަޙާޒު އަލީ ޒާހިރުގެ ރައުޔު

މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ހުކުމް

ދެންފަހެ، މަތީގައި ބަޔާންކުރެވުނު ކަންކަން އެގޮތުގެމަތިން ހުރުމާއެކު މި މައްސަލައަކީ، ގާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު) ގެ 11 ވަނަ މާއްދާއިން ސުޕްރީމް ކޯޓަށް ލިބިދީފައިވާ އަސްލީ އިޚްތިސާސްގެ ދަށުން ބެލޭނެ މައްސަލައެއް ނޫންކަމަށް މި މައްސަލަ ބެލި ފަސް ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

އަޒްމިރާލްދާ ޒާހިރުމުޙައްމަދު އިބްރާހީމްމަޙާޒު ޢަލީ ޒާހިރު(ރިޔާސަތު)

ޙުސްނުއްސުޢޫދުޢަލީ ރަޝީދު ޙުސައިން

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ