ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2019/SC-E/10ސުޕްރީމް ކޯޓު · 27 ފެބުރުއަރީ 2019

—

ސުޕްރީމް ކޯޓު
1 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 27 ފެބުރުއަރީ 2019ބާވަތް: އިންތިޚާބީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ

ޤަޟިއްޔާ ނަންބަރު: 2019/SC-E/10

ދަޢުވާކުރާ ފަރާތް: ޙަސަން ޝިޔާމް

ދަޢުވާ ލިބޭ ފަރާތް: އިލެކްޝަންސް ކޮމިޝަން

މައްސަލައިގެ ބާވަތް: އިންތިޚާބަށް ކުރިމަތިލުމުގެ ޝަރުޠާބެހޭ މައްސަލަ

މައްސަލަ އައިގޮތް: އިންތިޚާބަށް ކުރިމަތިލުމުގެ ޝަރުޠާބެހޭ ގޮތުން މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން

ހުށަހެޅުނު ތާރީޚް: 24 ފެބުރުވަރީ 2019

ރަޖިސްޓްރީކުރެވުނު ތާރީޚް: 24 ފެބުރުވަރީ 2019

ނިމުނު ތާރީޚް: 27 ފެބުރުވަރީ 2019

މައްސަލަ ނިންމި ގަޑި: 13:56

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޢަބްދުﷲ ދީދީ، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު

މައްސަލައިގެ ޚުލާޞާ:

މި ޤަޟިއްޔާއަކީ، 2019 ވަނަ އަހަރުގެ އެޕްރީލް މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ "ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019" ގައި މެދުހެންވޭރު ދާއިރާއަށް އަމިއްލަގޮތުން ކުރިމަތިލުމަށް، 2019 ފެބުރުވަރީ 17 ވީ އާދީއްތަ ދުވަހު، ޙަސަން ޝިޔާމް، އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ނަންބަރު PE/2019/205 ފޯމުގައިވާ މަޢުލޫމާތުތަކާއި ލިޔެކިޔުންތަކަށް ބަލައި، ޙަސަން ޝިޔާމުގެ ފޯމާއެކު ހުށަހަޅާފައިވާ، ކަމާބެހޭ ފަރާތުގެ ލިޔުމުގައި ޙަސަން ޝިޔާމުގެ ރެކޯޑެއް ނެތްކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، 2019 ފެބުރުވަރީ 19 ވަނަ ދުވަހު، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އިލެކްޝަންސް ކޮމިޝަނަށް ފޮނުވި އެ ޑިޕާޓްމަންޓުގެ ނަންބަރު 198-G/38/2019/01 ސިޓީގައި، ޙަސަން ޝިޔާމަކީ އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮވެ، އެ ދަރަނި ޙުކުމާ އެއްގޮތަށް އަދާކުރަމުންނުދާ ފަރާތެއްކަމަށް ބަޔާންކޮށްފައިވާތީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގައި ބުނެފައިވާ އިންތިޚާބަށް ކުރިމަތިލުމުގެ ޝަރުޠު ޙަސަން ޝިޔާމުގެ ކިބައިގައި ފުރިހަމަ ނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައި، ޙަސަން ޝިޔާމުގެ ކެންޑިޑަސީ ޤަބޫލުނުކުރާކަން ޙަސަން ޝިޔާމަށް އަންގާފައިވާތީ، އިލެކްޝަންސް ކޮމިޝަނުގެ ނިންމުން ބާޠިލު ކޮށްދިނުން އެދި، ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 21 ވަނަ މާއްދާގެ (ބ) ގެ ދަށުން ޙަސަން ޝިޔާމުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި ދަޢުވާ ރައްދުވާ ފަރާތަކީ އިލެކްޝަންސް ކޮމިޝަނެވެ.

ފާހަގަކުރެވުނު ނުކުތާތައް:

01- މި މައްސަލައާ ގުޅިގެން ދެފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިޔުންތަކަށާއި، މި ޤަޟިއްޔާއާ ގުޅިގެން ކަމާބެހޭ އިދާރާތަކުން ހޯދާފައިވާ ރަސްމީ ލިޔުންތަކަށާއި، މިބާވަތުގެ މައްސަލަތަކާ ގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތަކުގެ މައްޗަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ކަމާބެހޭ ޤާނޫނުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.

(ހ) ފުރަތަމަ ކަމަކީ: އިންތިޚާބަކަށް ކުރިމަތިލާ މީހުންގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުޠުތަކެއް ޤާނޫނުއަސާސީގައި ނުވަތަ ޤާނޫނެއްގައި ކަނޑައަޅާފައިވާނަމަ އެ އިންތިޚާބަކަށް ކުރިމަތިލާ ކޮންމެ މީހެއްގެ ކިބައިގައި އެ ޝަރުޠުތައް ފުރިހަމަވާންޖެހޭނެކަމަށް، ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 15 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 73 ވަނަ މާއްދާ އާއި، ޤާނޫނު ނަންބަރު 2009/2 (ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނު) ގެ 8 ވަނަ މާއްދާގައި، ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާ މީހެއްގައި ހުންނަންޖެހޭ ޝަރުޠުތައް ބަޔާންކޮށްފައިވާކަން އެނގޭކަމާއި،

އެގޮތުން ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގައި، "އަންނަނިވި ޙާލަތުންކުރެ ޙާލަތެއްގައިވާ މީހަކަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ބައިވެރިއެއް ނުވެވޭނެއެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ހޮވިފައިވާ މެންބަރަކަށް އެފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ އެ މީހަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެއެވެ." މިފަދައިން ބަޔާންކުރުމަށްފަހު، އެ މާއްދާގެ އެ އަކުރުގެ (1) ވަނަ ނަންބަރުގައި، "އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ މީހަކު ކަމުގައިވުން." މިފަދައިން ބަޔާންކޮށްފައިވާ ކަމާއި، އަދި ހަމަ ޤާނޫނުއަސާސީގެ މި ޢިބާރާތް ޤާނޫނު ނަންބަރު 2009/2 (ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނު) ގެ 8 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައިވެސް ބަޔާންކޮށްފައިވާކަން އެނގެން އޮންނަ ކަމެވެ.

(ށ) ދެވަނަ ކަމަކީ: މީލާދީ ސަނަތުން 2019 ވަނަ އަހަރުގެ އެޕްރީލް މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ "ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019" ގައި މެދުހެންވޭރު ދާއިރާއަށް އަމިއްލަގޮތުން ވާދަކުރާ ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލުމަށް އެދި، ޙަސަން ޝިޔާމް، 2019 ފެބުރުވަރީ 17 ވަނަ ދުވަހު، ނަންބަރު PE/2019/205 ފޯމުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާކަމާއި، ނަމަވެސް ޙަސަން ޝިޔާމަކީ، އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮވެ، ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ މީހަކު ކަމުގައިބުނެ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ނަންބަރު198-G/38/2019/01 ސިޓީން އެ މަޢުލޫމާތު އިލެކްޝަންސް ކޮމިޝަނަށް ފޮނުވާފައިވާތީ، އެ މަޢުލޫމާތު ބަލައި ޗެކްކުރުމަށްފަހު އެ މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް، ޙަސަން ޝިޔާމަކީ "ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019" ގައި ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރުމަށް ޤާނޫނީގޮތުން ޝަރުޠު ފުރިހަމަވާ ފަރާތެއް ނޫންކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައި، އެކަން ޙަސަން ޝިޔާމަށް 2019 ފެބުރުވަރީ 19 ގައި އެ ކޮމިޝަނުން އަންގާފައިވާކަން ހުށަހެޅިފައިވާ ލިޔުންތަކަށް ބެލުމުން އެނގެން އޮންނަ ކަމެވެ.

(ނ) ތިންވަނަ ކަމަކީ: ސިވިލް ކޯޓުގެ ނަންބަރު 144-REC/198/2019/31(19 ފެބުރުވަރީ 2019) ސިޓީން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ފޮނުވާފައިވާ ޙަސަން ޝިޔާމުގެ ދަރަނީގެ ރެކޯޑަށް ބަލާއިރު، އެއީ ދަރަނިވެރިންގެ ގޮތުގައި ޙަސަން ޝިޔާމާއެކު މުޅިއެކު 8 ފަރާތެއް ހިމެނޭގޮތުން ފަސް ޤަޟިއްޔާއަކުން ސާބިތުވެ ސިވިލް ކޯޓުގައި ރެކޯޑު ކުރެވިފައިވާ ދަރަނީގެ ރިކޯޑެއް ކަމާއި، އެއީ ކުރީގެ މަދަނީ ކޯޓުގެ ނަންބަރު 352/MC/2008 ޤަޟިއްޔާއިން ސާބިތުވެފައިވާ ދަރަންޏަކާއި، ސިވިލް ކޯޓުގެ ނަންބަރު 1399/Cv-C/2011 ޤަޟިއްޔާއިން ސާބިތުވެފައިވާ ދަރަންޏަކާއި، ސިވިލް ކޯޓުގެ ނަންބަރު 433/Cv-C/2013 ޤަޟިއްޔާއިން ސާބިތުވެފައިވާ ދަރަންޏަކާއި، ސިވިލް ކޯޓުގެ ނަންބަރު 2491/Cv-C/2016 ޤަޟިއްޔާއިން ސާބިތުވެފައިވާ ދަރަންޏަކާއި، އަދި ސިވިލް ކޯޓުގެ ނަންބަރު 2510/Cv-C/2016 ޤަޟިއްޔާއިން ސާބިތުވެފައިވާ ދަރަންޏެއްކަމާއި،

އިސްވެ ބަޔާންކުރެވުނު ޤަޟިއްޔާތަކުގެ ތެރެއިން މަދަނީ ކޯޓުގެ ނަންބަރު 352/MC/2008 ޤަޟިއްޔާގެ ޙުކުމަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/30 ޤަޟިއްޔާގެ ޙުކުމުން ބާޠިލްކޮށްފައިވާ ޙުކުމެއް ކަމަށާއި، އެހެންކަމުން އެއީ ދަރަނީގެ ރެކޯޑުގެ ގޮތުގައި މިހާރު އޮވެގެންވާނެ ރެކޯޑެއް ނޫންކަމަށް ޙަސަން ޝިޔާމުގެ ފަރާތުން ބުނެފައިވާ ބުނުމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުންވެސް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އެއްބަސްވެފައިވާކަމާއި، އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/30 ޤަޟިއްޔާގެ ރިޕޯޓަށް ބަލާއިރު، މަދަނީ ކޯޓުގެ ނަންބަރު 352/MC/2008 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމާއި، މަދަނީ ކޯޓުގެ އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ހައިކޯޓުން ބަލާފައިވާ އެ ކޯޓުގެ ނަންބަރު 2009/HC-A/319 ޤަޟިއްޔާގެ ޙުކުމް ބާޠިލްކޮށްފައިވާކަން އެނގެން އޮންނާތީ، މަދަނީ ކޯޓުގެ ނަންބަރު 352/MC/2008 ޤަޟިއްޔާއިން ޙަސަން ޝިޔާމް ހިމެނޭގޮތަށް ޖުމްލަ 8 މީހެއްގެ މައްޗަށް ސާބިތުވެފައިވާ ދަރަނި، ސިވިލް ކޯޓުގެ ރެކޯޑުތަކުން މިހާތަނަށް ފެންނަން އޮތް ކަމުގައިވިޔަސް، މިހާރު އެ ދަރަންޏަކީ ވުޖޫދުގައިވާ ދަރަންޏެއް ނޫންކަމާއި، އެ ދަރަނިން ޙަސަން ޝިޔާމް ބަރީއަވެފައިވާ ކަމާއި، ސިވިލް ކޯޓުގެ އެ ރެކޯޑު އިޞްލާޙު ކުރަންޖެހޭކަން އެނގެން އޮންނަކަމާއި،

އަދި ޙަސަން ޝިޔާމް ހިމެނޭގޮތުން ދަރަނި ސާބިތުވެފައިވާ ސިވިލް ކޯޓުގެ ނަންބަރު 1399/Cv-C/2011 ޤަޟިއްޔާ، ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރެވި، އެ ކޯޓުގެ ނަންބަރު 2013/HC-A/239 ޤަޟިއްޔާއިން ސިވިލް ކޯޓުގެ ޙުކުމަށް ތާއީދުކުރުމާއި ގުޅިގެން 21 ނޮވެންބަރު 2016 ވަނަ ދުވަހު ހައިކޯޓުގެ އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/13 ޤަޟިއްޔާއިން އެ މައްސަލަ ބަލަމުންދާތީއާއި، ހަމައެފަދައިން ސިވިލް ކޯޓުގެ ނަންބަރު 433/Cv-C/2013 ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރެވި، އެ ކޯޓުގެ ނަންބަރު 2015/HC-A/398 ޤަޟިއްޔާއިން ސިވިލް ކޯޓުގެ ޙުކުމަށް ތާއީދުކުރުމާ ގުޅިގެން 25 މޭ 2017 ގައި ހައިކޯޓުގެ އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން، ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/39 ޤަޟިއްޔާއިން އެ މައްސަލަ ބަލަމުންދާތީއާއި، މި ދެ ޤަޟިއްޔާގެ ޝަރުޢީ މަރުޙަލާތަށް ނިމި ނިހާއީ ޙުކުމެއް ކުރުމުގެ ކުރިން ސިވިލް ކޯޓުގެ ނަންބަރު 1399/Cv-C/2011 ޤަޟިއްޔާއިން ސާބިތުވެފައިވާ ދަރަނީގެ މައްޗަށާއި، ސިވިލް ކޯޓުގެ ނަންބަރު 433/Cv-C/2013 ޤަޟިއްޔާއިން ސާބިތުވެފައިވާ ދަރަނީގެ މައްޗަށް ބިނާކޮށް، ޤާނޫނުއަސާސީން ލިބިދީފައިވާ އަސާސީ ޙައްޤަކުން މަޙްރޫމްވެގެންދާ ގޮތަށް، ޙަސަން ޝިޔާމަކީ ޙުކުމާ އެއްގޮތަށް ދަރަނި ދައްކަމުން ނުދާ މީހެއް ކަމުގައި ކަނޑައެޅިގެން ނުވާނެކަމަށް ބުނެ ޙަސަން ޝިޔާމުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ވާހަކަ ދައްކާފައިވާއިރު، އެ ވާހަކައިގެ ރައްދުގައި، ސިވިލް ކޯޓުގެ ނަންބަރު 1399/Cv-C/2011 ޤަޟިއްޔާ އިސްތިއުނާފުކުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުން ބަލާފައިވާ އެ ކޯޓުގެ ނަންބަރު 2013/HC-A/239 ޤަޟިއްޔާއާއި ސިވިލް ކޯޓުގެ ނަންބަރު433/Cv-C/2013 ޤަޟިއްޔާ އިސްތިއުނާފުކުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުން ބަލާފައިވާ އެ ކޯޓުގެ ނަންބަރު 2015/HC-A/398 ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިލްތިމާސްކުރެވި ސުޕްރީމް ކޯޓުގައި ހިންގަމުންދާ ދެ ޤަޟިއްޔާކަން އިލެކްޝަންސް ކޮމިޝަނަށް އެނގިފައި ނުވާކަމަށް އެ ކޮމިޝަނުގެ ފަރާތުން ބުނެފައިވާކަން އެނގެން އޮންނަ ކަމާއި،

އަދި ސިވިލް ކޯޓުގެ ނަންްބަރު 2491/Cv-C/2016 ޤަޟިއްޔާއިން ޙަސަން ޝިޔާމުގެ މައްޗަށް ސާބިތުވެފައިވާ ދަރަނީގެ މައްސަލަ، 21 ޖަނަވަރީ 2018 ވަނަ ދުވަހު ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުގެ ނަންބަރު 2018/HC-A/91 ޤަޟިއްޔާއިން އެ މައްސަލަ ބަލަމުންދާކަމާއި، އަދި ސިވިލް ކޯޓުގެ ނަންބަރު 2510/Cv-C/2016 ޤަޟިއްޔާއިން ޙަސަން ޝިޔާމުގެ މައްޗަށް ސާބިތުވެފައިވާ ދަރަނީގެ މައްސަލަ، 14 ޖަނަވަރީ 2018 ވަނަ ދުވަހު ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުގެ ނަންބަރު 2018/HC-A/88 ޤަޟިއްޔާއިން އެ މައްސަލަ ބަލަމުންދާކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 95-CR/197/2019/15 ސިޓީން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ޙިއްޞާކޮށްފައިވާކަން އެނގެން އޮންނަ ކަމެވެ.

(ރ) ހަތަރުވަނަ ކަމަކީ: ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) އާއި، ޤާނޫނު ނަންބަރު 2009/2 (ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނު) ގެ 8 ވަނަ މާއްދާގެ (ނ) ގައި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ބައިވެރި ނުވެވޭނެ ޙާލަތްތައް ބަޔާންކޮށްފައިވާއިރު "އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ މީހަކު ކަމުގައިވުން." މިފަދައިން ބަޔާންކޮށްފައި އޮންނަ އޮތުމާމެދު އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ޢަމަލުކުރަމުންދާ އުޞޫލާބެހޭ ގޮތުން، ނުވަތަ މީގެ ކުރީގެ އިންތިޚާބުތަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ޢަމަލުކުރަމުން އައިސްފައިވާ ގޮތުގެ ސަބަބުން ޤާއިމްވެފައިވާ ޢުރުފާބެހޭ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހުގައި ކުރެވުނު ސުވާލުގެ ޖަވާބުގައި، އެއްވެސް ފަރާތަކުން އިންތިޚާބެއްގައި ވާދަކުރުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމާ ގުޅިގެން ކަމާބެހޭ އިދާރާތަކުން އެމީހަކާ ބެހޭގޮތުން ލިބިފައިވާ މަޢުލޫމާތުގެ އަލީގައި ބަލާއިރު، އެމީހެއްގެ މައްޗަށް ދަރަންޏެއް ސާބިތުވެ، އެ ދަރަނި ސާބިތުވި ޤަޟިއްޔާ އޭގެ މަތީ މަރުޙަލާތަކަށް އިސްތިއުނާފަށް ހުށަހެޅިފައިވާނަމަ، އަދި މަތީ މަރުޙަލާތަކުން އެ ޤަޟިއްޔާގެ ޙުކުމާމެދު ނިހާއީ ނިންމުމެއް އެހާތަނަށް ނިންމާފައި ނުވާނަމަ، އެމީހަކީ އެމީހާގެ މައްޗަށް ދަރަންޏެއް ސާބިތުވެ، ޙުކުމާ އެއްގޮތަށް އެ ދަރަނި ދައްކަމުން ނުދާ މީހެއްކަމަށް އެ ކޮމިޝަނުން ބަލަމުން ނުދާކަމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ސާފު ބަހުން ބުނެފައިވާކަން އެނގެން އޮންނަ ކަމާއި،

އެހެންކަމުން މީހެއްގެ މައްޗަށް ދަރަންޏެއް ސާބިތުވެ، ޙުކުމާ އެއްގޮތަށް އެ ދަރަނި ދައްކަމުން ނުދާ މީހެއްކަމަށް އެ ކޮމިޝަނުން ބަލައި އެމީހެއްގެ ކެންޑިޑަސީ ޤަބޫލުނުކުރުމަށް ނިންމާ ނިންމުން ބިނާކުރާ އަސާސަކީ، އެމީހެއްގެ މައްޗަށް ދަރަނި ސާބިތުވި ޤަޟިއްޔާ ކަނޑައެޅިފައިވާ މުއްދަތުގައި އޭގެ މަތީ މަރުޙަލާގެ ކޯޓުގައި އިސްތިއުނާފުނުކުރެވި، ނިހާއީ ޙުކުމަކަށް ވެފައިވާ ޙާލަތުގައާއި، އެމީހެއްގެ މައްޗަށް ދަރަނި ސާބިތުވި ޤަޟިއްޔާގެ ޙުކުމަށް އޭގެ މަތީ މަރުޙަލާއަކުން ނުވަތަ މަތީ މަރުޙަލާތަކުން ތާއީދުކޮށް، އެ ޙުކުމަކީ ނިހާއީ ޙުކުމެއްކަމަށް ވެފައިވާނަމަ އެ އަސާސްގެ މައްޗަށްކަން އިލެކްޝަންސް ކޮމިޝަނުގެ ބަހުން ސާފުކޮށް އެނގެން އޮންނަކަމާއި، މީގެއިތުރުން އިލެކްޝަންސް ކޮމިޝަނުން ޢަމަލުކުރަމުންދާ ބަޔާންވެދިޔަ އުޞޫލަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މިބާވަތުގެ އިންތިޚާބީ ޝަރުޠުގެ މައްސަލަތަކުގައި މީގެކުރިން ނިންމާފައިވާ ނިންމުންތަކުން ޤާއިމްކޮށް، އިސްތިޤްރާރުވެފައިވާ ދުސްތޫރީ އުޞޫލެއްކަމާއި،

"ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019" ގައި ވާދަކުރުމަށް އެދި ޙަސަން ޝިޔާމުގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް ކަނޑައެޅިފައިވާ މުއްދަތުގައި ހުށަހަޅާފައިވާއިރު، ޙަސަން ޝިޔާމްވެސް ހިމެނޭގޮތުން ދަރަނި ސާބިތުވެފައިވާ އިސްވެ ބަޔާންކުރެވުނު ޤަޟިއްޔާތަކަކީ، އެ ޤަޟިއްޔާތައް އިސްތިއުނާފުކުރުމަށް ކަނޑައެޅިފައިވާ މުއްދަތުގައި މަތީ މަރުޙަލާގެ ކޯޓުތަކަށް ހުށަހެޅިފައިވާ، އަދި އެ ޤަޟިއްޔާތަކާމެދު މަތީ މަރުޙަލާގެ ކޯޓުތަކުން މިހާތަނަށް ނިހާއީ ޙުކުމެއް ކޮށްފައިނުވާ ޤަޟިއްޔާތަކެއްކަން މި ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ (ނ) އަށް ބެލުމުން އެނގެން އޮންނައިރު، "ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019" ގައި މެދުހެންވޭރު ދާއިރާއަށް އަމިއްލަގޮތުން ކުރިމަތިލުމަށް އެދި ޙަސަން ޝިޔާމް ހުށަހެޅި ހުށަހެޅުން ބެލުމަށްފަހު، ޙަސަން ޝިޔާމަކީ އޭނާގެ މައްޗަށް ސާބިތުވެފައިވާ ދަރަނި، ޙުކުމާ އެއްގޮތަށް ދައްކަމުން ނުދާ މީހެއްކަމަށް ބަލައި، ޙަސަން ޝިޔާމަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކެންޑިޑޭޓެއްގެ ގޮތުގައި ބައިވެރި ނުވެވޭނެ ޙާލަތެއް މެދުވެރިވެފައިވާ ފަރާތެއް ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ނިންމާފައިވަނީ، އެ ކޮމިޝަނަށް ލިބިފައިވާ މަޢުލޫމާތަށް ބަލައި، ޙަސަން ޝިޔާމުގެ މައްޗަށް ދަރަނި ސާބިތުވި އިސްވެ ބަޔާންކުރެވުނު ބައެއް ޤަޟިއްޔާތަކަކީ، މިހާތަނަށް ނިހާއީ ޙުކުމެއް ކޮށްފައިނުވާ، މިހާރުވެސް މަތީ މަރުޙަލާގެ ކޯޓުތަކުގައި އެ ޤަޟިއްޔާތަކުގެ އިސްތިއުނާފު ބަލަމުން ގެންދާ ޤަޟިއްޔާތަކެއްކަން އިލެކްޝަންސް ކޮމިޝަނަށް އެނގިފައި ނުވާތީ، އެ އަސާސްގެ މައްޗަށް ބިނާކޮށްގެން ކަމާއި، އެހެންކަމުން، "ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019" ގައި ވާދަކުރުމަށް އެދި ޙަސަން ޝިޔާމުގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ހުށަހެޅުމާމެދު އެ ކޮމިޝަނުގެ ފަރާތުން ނިންމި ނިންމުން ބިނާކޮށްފައިވަނީ، އެ ކޮމިޝަނަށް ކަމާބެހޭ އިދާރާތަކުން ލިބިފައިވާ ފުރިހަމަނޫން މަޢުލޫމާތުތަކެއްގެ މައްޗަށްކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު95-CR/197/2019/15 (26 ފެބުރުވަރީ 2019) ގެ ސިޓީގައި ބަޔާންކޮށްދީފައިވާ މަޢުލޫމާތުތަކުންނާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ރެކޯޑުތަކުން ސާފުކޮށް އެނގެން އޮތުމުން، އިލެކްޝަންސް ކޮމިޝަނުން ޙަސަން ޝިޔާމުގެ ކެންޑިޑަސީއާމެދު 19 ފެބުރުވަރީ 2019 ގައި ނިންމާފައިވާ އިސްވެ ބަޔާންކުރެވުނު ނިންމުމަކީ ޞައްޙަ ނިންމުމެއް ނޫންކަން އެނގެން އޮންނަ ކަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެމަތިން ހުރުމުން، "ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019" ގައި މެދުހެންވޭރު ދާއިރާއަށް އަމިއްލަގޮތުން ކުރިމަތިލުމަށް އެދި، 2019 ފެބުރުވަރީ 17 ވީ އާދީއްތަ ދުވަހު، ޙަސަން ޝިޔާމް، އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ނަންބަރު PE/2019/205 ފޯމުގައިވާ މަޢުލޫމާތާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ނަންބަރު 198-G/38/2019/01 ސިޓީއަށް ބަލައި، ޙަސަން ޝިޔާމަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމުގެ ޝަރުޠު ފުރިހަމަވާ ފަރާތެއް ނޫންކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައި، ކެންޑިޑަސީ ޤަބޫލުނުކުރާކަން ޙަސަން ޝިޔާމަށް އަންގާފައިވާ އެންގުމަކީ ބާޠިލު އެންގުމެއްކަމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާ ބެލުމުގެ ތެރެއިން ކަމާބެހޭ ފަރާތްތަކުން ސާފުކޮށްފައިވާ އިސްވެ ބަޔާންކުރެވުނު މަޢުލޫމާތަށް ބަލާއިރު، ޙަސަން ޝިޔާމަކީ "ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019" ގައި ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރުމަށް ޤާނޫނީގޮތުން ހުރަހެއް މެދުވެރިވެފައިވާ ފަރާތެއް ނޫންކަން އެނގެން އޮންނަކަމަށްޓަކައި، ޙަސަން ޝިޔާމް އަކީ، "ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019" ގައި ވާދަކުރުމަށް ޝަރުޠު ފުރިހަމަވާ ފަރާތެއްގެ ގޮތުގައި ބަލައި، އެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓެއްގެ ގޮތުގައި ޙަސަން ޝިޔާމް ހިމަނައިގެން އެ އިންތިޚާބުގެ އެންމެހައި އިންތިޒާމްތައް ކުރިއަށް ގެންދިއުމަށް އިލެކްޝަންސް ކޮމިޝަނަށް އަންގައި އަމުރުކޮށް، މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.

އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ

ފަނޑިޔާރު ޢަބްދުﷲ ޢަރީފް

ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ

ފަނޑިޔާރު ޢަބްދުﷲ ދީދީ

ފަނޑިޔާރު ޢަބްދުލް ޣަނީ މުޙައްމަދު

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ