ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2019/SC-A/02ސުޕްރީމް ކޯޓު · 2 މޭ 2019

—

ސުޕްރީމް ކޯޓު
2 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 2 މޭ 2019ބާވަތް: ޖިނާއީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ

ޤަޟިއްޔާ ނަންބަރު: 2019/SC-A/02

ދަޢުވާކުރާ ފަރާތް: ދިވެހި ދައުލަތް (މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް / މޯލްޑިވްސް ޕޮލިސް ސަރވިސް/ މިނިސްޓްރީ އޮފް ހޯމްއެފެއާޒް)

ދަޢުވާ ލިބޭ ފަރާތް: ޢަޙްމަދު އަދީބު ޢަބްދުލްޣަފޫރު،

މައްސަލައިގެ ބާވަތް: ކޯޓު އަމުރު

މައްސަލަ އައިގޮތް: އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން

ހުށަހެޅުނު ތާރީޚް: 29 ޖަނަވަރީ 2019

ރަޖިސްޓްރީކުރެވުނު ތާރީޚް: 31 ޖަނަވަރީ 2019

ނިމުނު ތާރީޚް: 02 މޭ 2019

މައްސަލަ ނިންމި ގަޑި: 11:36

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު

އިލްތިމާސް ކުރެވުނު ކޯޓު އަމުރު

ނަންބަރު: 95-B6/CHT/2019/299

ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު

ހުށަހެޅުނު ތާރީޚް: 27 ޖަނަވަރީ 2019

ނިމުނު ތާރީޚް: 28 ޖަނަވަރީ 2019

މައްސަލައިގެ ޚުލާޞާ

މިއީ، ސިވިލް ކޯޓުގެ ނަންބަރު 3355/Cv-C/2017 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވާގޮތް ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފުވާކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން އެދި ހ.ސާމަރާ، މާލެ، އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން، ހައިކޯޓުގެ ނަންބަރު 2019/HC-A/45 ޤަޟިއްޔާއިން އެ މައްސަލަ ބަލަމުންދާހިނދު، ހައިކޯޓުން ބަލަމުންދާ އެ މައްސަލައިގައި ޙުކުމެއް ކުރެވެންދެން އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ގޭ ބަންދުގައި ބަހައްޓައިދިނުމަށް ވަޤުތީ އަމުރެއް ނެރެދިނުމަށް އެދި އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން، ހައިކޯޓުގެ ނަންބަރު 2019/HC-A/45 ޤަޟިއްޔާއިން ބަލަމުންދާ އެ މައްސަލައިގައި ހައިކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ގޭ ބަންދަށް ބަދަލުކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މައްޗަށާއި، ދައުލަތުގެ ކަމާބެހޭ އެންމެހައި ފަރާތްތަކުގެ މައްޗަށް އަންގައި އަމުރުކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް ބުނެ ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި ދަޢުވާ ރައްދުވާ ފަރާތަކީ ހ.ސާމަރާ، މާލެ، އަޙްމަދު އަދީބު ޢަބްދުލްޣަފޫރުއެވެ.

ފާހަގަކުރެވުނު ނުކުތާތައް

މި މައްސަލައިގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި، ޤާނޫނުތަކަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 95-B6/CHT/2019/299 ކޯޓު އަމުރަށާއި ދަޢުވާކުރާ ފަރާތުންނާއި، ދަޢުވާލިބޭ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި ލިޔުންތަކަށާއި ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މިބާވަތުގެ މައްސަލަތަކާ ގުޅޭ ޢާންމު ޤާނޫނީ މަބްދައުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލައި ވިސްނިއިރު، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.

(ހ) ފުރަތަމަ ކަމަކީ، ހ. ސާމަރާ، އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި އެ ކޯޓުގެ ނަންބަރު 3355/Cv-C/2017 ޤަޟިއްޔާއަށް ބެލިއިރު، އެ ޤަޟިއްޔާއަކީ އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ޖަލުގައި ބަންދުކުރެވުނު ފަހުން، އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ އެތެރެހަށީގައި ސިސްޓެއް އުފެދި، ލޮލުގެ ނުރައްކާތެރި ބައްޔެއް ކަމުގައިވާ ގްލޮކޮމާ ޖެހި، އަދި ކިޑްނީގައި ހިލަ އުފެދިފައިވާކަމަށް ޑަކްޓަރުން ކަށަވަރު ކޮށްދީފައިވާކަމަށާއި، މި ބަލިތަކަކީ ރާއްޖެއިން ފަރުވާ ކުރެވެން ނެތް ބަލިތަކެއް ކަމަށާއި، ކަމާބެހޭ މުއައްސަސާތަކުން އެކަށީގެންވާ ފަރުވާ އަޙްމަދު އަދީބު ޢަބްދުލްޣަފޫރަށް ދެމުން ނުގެންދާތީ ކަމަށް ބުނެ، އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަ ދެއްވުމަށާއި، އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ރާއްޖެއިން ބޭރަށް ފުރުމުގެ އިންތިޒާމު ހަމަޖެހުމާ ހަމައަށް ގޭ ބަންދަށް ބަދަލުކޮށް ދެއްވުމަށް، މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއާއި، މިނިސްޓްރީ އޮފް ހޯމް އެފެއަރޒްއާއި މޯލްޑިވްސް ޕޮލިސް ސާރވިސްއާއި ދައުލަތުގެ ކަމާބެހޭ އެންމެހައި މުއައްސަސާތަކުގެ މައްޗަށް އަމުރުކޮށްދެއްވުމަށް އެދި، އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން ބެލުނު މައްސަލައެއްކަމާ،

އެ ޤަޟިއްޔާގައި ޙުކުމް ކޮށްފައިވަނީ، "ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކަށާއި ހުށަހެޅިފައިވާ ލިޔުންތަކަށާއި ބަޔާންތަކަށް ބަލާއިރު، ހ. ސާމަރާ، އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ ފަރާތުން ދައުލަތުގެ މައްޗަށް ރައްދުވާ ގޮތަށް ކޮށްފައިވާ މި ދަޢުވާގައި، ޤައިދީންނާއި ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންނާއި ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުން ދިވެހިރާއްޖެއިން ބޭރުން ބޭސްފަރުވާ ހޯދުމަށް އެދުމުގައި ފުރިހަމަކުރަންޖެހޭ އިޖުރާއަތުތަކެއް ހުރިކަން ގަވާއިދު ނަންބަރު 2014/R-187 "ޤައިދީންނާއި ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންނާއި ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުން ޖަލުގެ ޞިއްޙީ މަރުކަޒު ފިޔަވައި ރާއްޖޭގެ ޞިއްޙީ ފަރުވާދޭ ތަންތަނާއި ރާއްޖެއިން ބޭރުން ފަރުވާ ހޯދުމާބެހޭ ގަވާއިދު" ގެ 07 ވަނަ މާއްދާއިން އެނގެން އޮންނާތީއާއި، މި މާއްދާގައި ބަޔާންކޮށްފައިވާ އިޖުރާއަތު ދަޢުވާކުރާ އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ ފަރާތުން ފުރިހަމަކޮށްފައި ނުވާކަން ހުށަހެޅިފައިވާ ލިޔުންތަކުންނާއި، އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ ބަހުން ޝަރީޢަތަށް ޘާބިތުވާތީ، ގަވާއިދު ނަންބަރު 2014/R-187 "ޤައިދީންނާއި ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންނާއި ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުން ޖަލުގެ ޞިއްޙީ މަރުކަޒު ފިޔަވައި ރާއްޖޭގެ ޞިއްޙީ ފަރުވާދޭ ތަންތަނާއި ރާއްޖެއިން ބޭރުން ފަރުވާ ހޯދުމާބެހޭ ގަވާއިދު" ގެ 07 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިޖުރާއަތުތައް ފުރިހަމަކުރުމަށް ފަހުގައި މެނުވީ، މި މައްސަލަ ސިވިލް ކޯޓުން ބެލުމުގެ އިޚްތިޞާޞް ލިބިގެން ނުވާކަމުގައި ކަނޑައަޅައި ޙުކުމް ކޮށްފީމެވެ." މިފަދައިންކަން އެނގެން އޮންނަ އޮތުމެވެ.

(ށ) ދެވަނަ ކަމަކީ، ހ. ސާމަރާ، އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި އެ ކޯޓުގެ ނަންބަރު 3355/Cv-C/2017 ޤަޟިއްޔާ އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލަމުންދާ ހައިކޯޓުގެ ނަންބަރު 2019/HC-A/45 ޤަޟިއްޔާއާ ގުޅިގެން ހައިކޯޓުން ނެރެފައިވާ އެ ކޯޓުގެ ނަންބަރު95-B6/CHT/2019/299 ކޯޓު އަމުރަށް ބެލިއިރު އެއަމުރުގައި ވަނީ، "ސިވިލް ކޯޓުގެ ނަންބަރު 3355/Cv-C/2017 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހ.ސާމަރާ، އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ ފަރާތުން ހުށަހެޅުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/45 ޤަޟިއްޔާގައި އެ މައްސަލަ ބަލަމުންދާ ހިނދު، އަޙްމަދު އަދީބު ޢަބްދުލްޣަފޫރަށް ދިމާވެފައިވާ ބަލިޙާލަތާ ގުޅިގެން، އަޙްމަދު އަދީބު ޢަބްދުލްޣަފޫރަކީ ފުރާނައަށް ނުރައްކާވެދާނެ ފަރާތެއް ކަމުގައި ބަޔާންކޮށް ޑަކްޓަރުންގެ ފަރާތުން ލިޔުން ދޫކޮށްފައިވާ ފަރާތެއްކަމާއި، އަދި ކަންކަން މިހިނދުގައި ވަމުންދާ ގޮތަށް ބަލާއިރު، އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ ބަލިޙާލަތު ވަރަށް ސީރިއަސްކަމާއި، މިގޮތުން 24 ޖަނަވަރީ 2019 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ބަންދުގައި ހުންނަވާ ތަނަށް ހޭނެތިގެން ވެއްޓިފައިވާކަމާއި، އިސްތިއުނާފުކުރެވިފައިމިވާ މައްސަލައިގައި ވަޤުތީ އަމުރެއް ނުނެރެފިނަމަ، އިސްތިއުނާފުކުރާ އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ ފުރާނައަށް ނުރައްކާވެދާނެކަމަށް ފާޅުކަންބޮޑު ގޮތެއްގައި ފެންނަން އޮތަތީ، މި ޤަޟިއްޔާގައި ބަލަމުންދާ މައްސަލައިގައި ޙުކުމެއް ކުރަންދެން ގޭ ބަންދުގައި ބަހައްޓައިދިނުމަށް އެދި އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ ފަރާތުން ހުށަހެޅި ސަބަބުތަކުގެ މައްޗަށާއި، އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ މެޑިކަލް ލިޔުންތަކުގެ މައްޗަށާއި، ވަޤުތީ އަމުރެއް ނެރުމުގައި ޝަރީޢަތުގެ ފަރާތުން ރިޢާޔަތްކުރަންޖެހޭ ކަންކަމުގެ މައްޗަށް ރިޢާޔަތްކުރުމަށްފަހު، މި ޤަޟިއްޔާ ބަލަމުންދާ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/45 ޤަޟިއްޔާގައި މި ކޯޓުން ވަކިގޮތަކަށް ކަނޑައަޅަންދެން، ހ. ސާމަރާ، އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ގޭ ބަންދަށް ބަދަލުކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ މައްޗަށާއި، ދައުލަތުގެ ކަމާބެހޭ އެންމެހައި ފަރާތްތަކުގެ މައްޗަށް އަންގާ އަމުރުކޮށްފީމެވެ." މިފަދައިންކަން އެނގެން އޮންނަ އޮތުމެެެވެ.

(ނ) ތިންވަނަ ކަމަކީ، ހައިކޯޓުގެ ނަންބަރު 95-B6/CHT/2019/299 ކޯޓު އަމުރު ބިނާވެގެންވަނީ ޝަރީޢަތް ނުވަތަ ޤާނޫނާ ޚިލާފުވާ ގޮތަށްކަމަށް ބުނެ އެ އަމުރު އިލްތިމާސްކުރާ ދައުލަތުގެ ފަރާތުން މައިގަނޑު ދެ ނުކުތާ ހުށަހަޅައި އެ ދެ ނުކުތާއާ ގުޅޭގޮތުން ވާހަކަ ދައްކާފައިވާކަން އެނގޭކަމާ، އެ ދެ ނުކުތާއަކީ؛

1- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/45 ޤަޟިއްޔާއިން ބަލަމުންދާ މައްސަލައިގައި އެ ކޯޓުން ފައިސަލާކުރަނިވި ޙުކުމެއް ކުރަންދެން، ޖަލު ޙުކުމެއް ތަންފީޒުކުރަމުން ގެންދަވާ ފަރާތެއް ކަމުގައިވާ ހ. ސާމަރާ، އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ގޭ ބަންދުގައި ބަހައްޓައިދިނުމަށް އަމުރު ކޮށްދެއްވައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއި މޯލްޑިވްސް ޕޮލިސް ސަރވިސް އަދި މިނިސްޓްރީ އޮފް ހޯމް އެފެއަރސްގެ މައްޗަށް ވަޤުތީ އަމުރެއް ނެރެދެއްވުމަށް އަޙްމަދު އަދީބު ޢަބްދުލްޣަފޫރު އެދުމުން، އެފަރާތް އެދުނު ގޮތަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/45 ޤަޟިއްޔާގައި އެ ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން އިސްތިއުނާފް ރައްދުވާ ފަރާތް ގޭ ބަންދަށް ބަދަލުކުރުމަށް އަމުރުކޮށް ދައުލަތުގެ މައްޗަށް އެ ކޯޓުގެ ނަންބަރު 95-B6/CHT/2019/299 ކޯޓު އަމުރު ނެރެފައިވަނީ ޞިއްޙީ ނުރައްކަލަކަށްޓަކައި ޤައިދީން ޖަލުން ނެރެވޭނެ ޙާލަތްތަކާއި އިޖުރާއާތުތައް ބަޔާންކޮށްފައިވާ ޤާނޫނު ނަންބަރު 14/2013 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލް ޤާނޫނު) ގެ 82 ވަނަ މާއްދާއާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއާއި،

2- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 95-B6/CHT/2019/299 ކޯޓު އަމުރު، ނެރުމުގައި، އިސްތިއުނާފު ރައްދުވާ ފަރާތަކީ ފުރާނައަށް ނުރައްކާވެދާނެ ފަރާތެއްކަމުގައި ޑޮކުޓަރުންގެ ފަރާތުން ލިޔުން ދޫކޮށްފައިވާ ފަރާތެއްކަމަށާ، އެ ފަރާތުން އެދިފައިވާ ފަދައިން ވަޤުތީ އަމުރެއް ނެރެ ނުދީފިނަމަ އެ ފަރާތުގެ ފުރާނައަށް ނުރައްކާވެދާނެކަމަށް ފާޅުކަން ބޮޑު ގޮތެއްގައި ފެންނަން އޮތް ފަރާތެއްކަމަށް ކަނޑައަޅައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/45 ޤަޟިއްޔާގައި އެ ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން އިސްތިއުނާފު ރައްދުވާ ފަރާތް ގޭ ބަންދަށް ބަދަލުކުރުމަށް އަމުރުކޮށްފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތުގެ ފުރާނައަށް ނުރައްކާވެދާނެ ފަދަ ޙާލަތެއް މިހިނދަށް ކުރިމަތިވެފައި ނުވަނީސްކަމަށާ، އެ ފަރާތް މިހިނދަށް ގޭ ބަންދަށް ބަދަލުކުރަން ޑަކްޓަރުން ލަފާދެއްވާފައި ނުވާކަން ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި އެންމެފަހުގެ މެޑިކަލް ލިޔެކިއުންތަކަށް ފުރިހަމައަށް ރިޢާޔަތްކުރުމެއް ނެތި، ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) އާވެސް ޚިލާފަށްކަމަށާ، އަދި އެ ލިޔެކިއުންތަކުން އިސްތިއުނާފު ރައްދުވާ ފަރާތުގެ ފުރާނައަށް ނުރައްކާވެދާނެ ފަދަ ޙާލަތެއް އެވަގުތަށް އޮތްކަން އެނގެން ނެތުމުން، އެ އަމުރު ނެރެފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/21 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ، ވަޤުތީ އަމުރެއް ނެރުމުގައި ފުރިހަމަވާންޖެހޭ ޝަރުޠުތައް ފުރިހަމަވެފައި ނުވަނީސް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާވެސް ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއާއި، މި ދެ ނުކުތާކަން އެނގެން އޮވެއެވެ.

(ރ) ހަތަރުވަނަ ކަމަކީ، ބުނެވިދިޔަ ހައިކޯޓުގެ ނަންބަރު 95-B6/CHT/2019/299 ކޯޓު އަމުރަކީ، ހައިކޯޓުގެ ނަންބަރު 2019/HC-A/45 ޤަޟިއްޔާގައި ދަޢުވާކުރާ އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ ފަރާތުން އެދިގެން ނެރެދީފައިވާ އަމުރެއްކަމަށްވާއިރު، މިބާވަތުގެ ވަޤުތީ އަމުރުތަކާއި ޙުކުމްތައް ނެރުމުގައި ކޯޓަށް ލިބިގެންވާ އިޚްތިޔާރީ ބާރަކީ އެއްވެސް ޤާނޫނީ ނިޒާމެއްގައި މުޠްލަޤު ބާރެއް ނޫންކަމާއި، އެފަދަ އަމުރުތައް ނެރުމުގައި ކޯޓުން ފުރިހަމަވޭތޯ ބަލަންޖެހޭ ޢާންމު ޝަރުޠުތަކެއްވާކަން ތަފާތު ޤާނޫނީ ޖުރިސްޑިކްޝަންތަކުން ޤަބޫލުކުރާ އިޖްރާއީ ޢާންމު އުޞޫލުތަކަށް ބެލުމުން އެނގެން އޮންނައިރު އެ ޝަރުޠުތައް ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/21 ޤަޟިއްޔާގައި ކަނޑައެޅި ބަޔާންކުރެވިފައިވާކަމާ، އެ ޝަރުޠުތަކަށް ބަލާއިރު؛

"(1) ފުރަތަމަ ޝަރުޠަކީ، ވަޤުތީ އަމުރަށް އެދޭ ފަރާތަށް، ޤާނޫނީގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރްކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑުގޮތެއްގައި ޤާއިމުވެގެންވުން" ކަމާ، އެފަދަ ޙައްޤެއް ނުވަތަ ޤާނޫނީ މަރްކަޒެއް އޮތުމުގެ އިޙްތިމާލު ޤާއިމުވެގެންވާ ކަމުގައި ބެލެވޭނީ އެ ޙައްޤެއް ނުވަތަ ޤާނޫނީ މަރްކަޒެއް ޙިމާޔަތްކުރާ ޤާނޫނީ ޤާޢިދާއެއް (Legal Rule) އޮތުމުގެ އިތުރުން، ވަޤުތީ އަމުރަށް އެދި ހުށަހަޅާ ވަޤާއިޢު (Facts) ތަކަކީ އެފަދަ ޙައްޤެއް ނުވަތަ ޤާނޫނީ މަރްކަޒެއްވާކަމުގެ އިޙްތިމާލު ޤާއިމުވެގެންވާކަމުގައި ކޯޓަށް ޤަބޫލުކުރެވޭ މިންވަރުގެ ކާފީ ވަޤާއިޢުތަކަށް ވުން" ކަމާ،

(2) ދެވަނަ ޝަރުޠަކީ، ވަޤުތީ އަމުރު ނެރުމަކާ ނުލައި އަޞްލު މައުޟޫޢީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ ކުރިމަތިވެދާނެ ނުރައްކަލެއް އޮތުން" ކަމާ، މައުޟޫޢީ ދަޢުވާ އާދައިގެ އިޖްރާއާތުގެ ދަށުން ފުރިހަމަކޮށްފިނަމަ، ތަދާރުކު ނުކުރެވޭފަދަ އަދި އިޢާދަ ނުކުރެވޭފަދަ ނުރައްކަލަކާއި ނުވަތަ ގެއްލުމަކާ، އެ ދަޢުވާއާ ގުޅިގެން ވަޤުތީ އަމުރަށް އެދޭ ފަރާތުން ކުރިމަތިލާން ޖެހުން، ކަމާ،

(3) ތިންވަނަ ޝަރުޠަކީ، ވަޤުތީ އަމުރަށް އެދޭ ފަރާތަކީ އެފަދަ އަމުރަކަށް އެދުމުގެ "ޞިފަ" (Capacity) ނުވަތަ ޙައިޘިއްޔަތު ޤާނޫނީގޮތުން ލިބިގެންވާ ފަރާތެއްކަމުގައިވުން" މި ތިން ޝަރުޠުކަން އެނގެން އޮތްއިރު، ބުނެވިދިޔަ ހައިކޯޓުގެ ނަންބަރު 95-B6/CHT/2019/299 ކޯޓު އަމުރަކީ އެ ކޯޓުގެ ނަންބަރު 2019/HC-A/45 ޤަޟިއްޔާގައި ދަޢުވާކުރާ ފަރާތުން ދަޢުވާކުރާ މައުޟޫޢީ ޙައްޤަށް ޤަޟާއީ ޙިމާޔަތް ނިހާއީ ސިފައެއްގައި ލިބުމުގެ ކުރިން، ފާއިތުވެގެން ހިނގައިދާނެ އިޢާދަ ނުކުރެވޭފަދަ ގެއްލުމެއް އޮވެދާނެކަމަށް ހައިކޯޓުން ދެކިގެން، ނެރެފައިވާ ކޯޓު އަމުރެއްކަން އެނގެން އޮންނަ އޮތުމެވެ.

(ބ) ފަސްވަނަ ކަމަކީ، ޞިއްޙީ ނުރައްކަލަކަށްޓަކައި ޖަލު ޙުކުމެއް ތަންފީޒުކުރަމުންދާ ޤައިދީން ޖަލު ފިޔަވައި އެހެން ތަނަކަށް ބަދަލުކުރެވޭނެ ޙާލަތްތައް ޤާނޫނު ނަންބަރު 2013/14 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލް ޤާނޫނު) ގެ 75 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާކަމާ، މިގޮތުން އެ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތްތަކަކީ،

"ޖަލުގައި ޙުކުމް ތަންފީޒުކުރުމަށް ނުކުޅެދޭ ފަދަ ބައްޔެއް ހުރުން.

ރަނގަޅުވާނެ ކަމަށް ލަފާ ނުކުރެވޭ ނަފްސާނީ ބައްޔެއް ހުރުން.

ގައިން ގަޔަށް އަރާ ބައްޔެއް ހުރުން." ކަމާ،

އެ މާއްދާގައި ބަޔާންކުރާ ޙާލަތެއް ވުޖޫދުވެފައިވާކަމަށް ފާހަގަކޮށް އެކަން ޑައިރެކްޓަރސް އޮފް ޕްރިޒަންސްއަށް އަންގާނީ ގައިދީންނަށް ޞިއްޙީ ފަރުވާ ހަމަޖައްސައިދިނުމުގެ ކަންކަން ބެލެހެއްޓުމަށް ޖަލުގައި ތިބޭ މެޑިކަލް އޮފިސަރުން ކަމުގައާއި، ޑައިރެކްޓަރސް އޮފް ޕްރިޒަންސްގެ ލަފާގެ މަތިން ގައިދީއަކު ޖަލުން އެހެން ތަނަކަށް ބަދަލުކުރުމުގެ ހުއްދަ ދޭނީ ކޮމިޝަނަރ އޮފް ޕްރިޒަންސްކަން އެ މާއްދާގެ (ށ) އަށް ބެލުމުން އެނގެން އޮންނަ ކަމެވެ.

(ޅ) ހަވަނަ ކަމަކީ، ހ.ސާމަރާ، އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި އެ ކޯޓުގެ ނަންބަރު 3355/Cv-C/2017 ޤަޟިއްޔާ، އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލަމުންދާ ހައިކޯޓުގެ ނަންބަރު2019/HC-A/45 ޤަޟިއްޔާއާ ގުޅިގެން ހައިކޯޓުން ނެރެފައިވާ އެ ކޯޓުގެ ނަންބަރު95-B6/CHT/2019/299 ކޯޓު އަމުރަކީ، އަޙްމަދު އަދީބު ޢަބްދުލްޣަފޫރަށް ދިމާވެފައިވާ ބަލިޙާލަތާ ގުޅިގެން، އަޙްމަދު އަދީބު ޢަބްދުލްޣަފޫރަކީ ފުރާނައަށް ނުރައްކާވެދާނެ ފަރާތެއް ކަމުގައި ބަޔާންކޮށް ޑަކްޓަރުންގެ ފަރާތުން ލިޔުން ދޫކޮށްފައިވާ ފަރާތެއްކަމަށް އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ ފަރާތުން ބުނެ، އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ ފަރާތުން ހުށަހަޅައިފައިވާ އެންމެހައި ލިޔުންތަކަށް ބެލުމަށްފަހު، އަދި ކަންކަން އެހިނދުގައި ވަމުންދާ ގޮތަށްވެސް ރިޢާޔަތްކުރުމުން، އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ ބަލިޙާލަތު ވަރަށް ސީރިއަސްކަމަށާއި، މިގޮތުން 24 ޖަނަވަރީ 2019 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ބަންދުގައި ހުންނަ ތަނަށް ހޭނެތިގެން ވެއްޓިފައިވާކަމަށާއި، ހައިކޯޓަށް އިސްތިއުނާފުކުރެވިފައިވާ މައްސަލައިގައި ވަޤުތީ އަމުރެއް ނުނެރެފިނަމަ، އިސްތިއުނާފުކުރާ އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ ފުރާނައަށް ނުރައްކާވެދާނެކަމަށް ފާޅުކަންބޮޑު ގޮތެއްގައި ފެންނަން އޮތްކަމަށް ބުނެ، އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ ފަރާތުން ހައިކޯޓަށް ހުށަހެޅި ހައިކޯޓުގެ ނަންބަރު 2019/HC-A/45 ޤަޟިއްޔާއިން ބަލަމުންދާ މައްސަލައިގައި ޙުކުމެއް ކުރަންދެން އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ގޭ ބަންދުގައި ބަހައްޓައިދިނުމަށް އެދި އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ ފަރާތުން ހުށަހެޅި ސަބަބުތަކުގެ މައްޗަށާއި، އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ މެޑިކަލް ލިޔުންތަކުގެ މައްޗަށާއި، ވަޤުތީ އަމުރެއް ނެރުމުގައި ޝަރީޢަތުގެ ފަރާތުން ރިޢާޔަތްކުރަންޖެހޭ ކަންކަމުގެ މައްޗަށް ރިޢާޔަތް ކުރުމަށްފަހު، ހައިކޯޓުގައި އެ ޤަޟިއްޔާ ބަލަމުންދިޔަ ފަނޑިޔާރުންގެ އިއްތިފާޤުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/45 ޤަޟިއްޔާގައި އެ ކޯޓުން ވަކިގޮތަކަށް ކަނޑައަޅަންދެން، ހ. ސާމަރާ، އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ގޭ ބަންދަށް ބަދަލުކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ މައްޗަށާއި، ދައުލަތުގެ ކަމާބެހޭ އެންމެހައި ފަރާތްތަކުގެ މައްޗަށް އަންގައި އަމުރުކޮށް ނެރެފައިވާ އަމުރެއްކަން އެނގެން އޮންނަ އޮތުމެވެ.

(ކ) ހަތްވަނަ ކަމަކީ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންވެގެންވާ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، ހައިކޯޓުގެ ނަންބަރު 2019/HC-A/45 ޤަޟިއްޔާއާ ގުޅިގެން އެ ކޯޓުން ނެރެފައިވާ ނަންބަރު 95-B6/CHT/2019/299 ކޯޓު އަމުރަކީ ކަމާބެހޭ ޑަކްޓަރުން އަޙްމަދު އަދީބު ޢަބްދުލަޣަފޫރުގެ ޞިއްޙީ ޙާލަތު ވަޒަންކޮށް ބެލުމަށްފަހު ދީފައިވާ ޑަކްޓަރުންގެ ލިޔެކިއުންތައް ހިމެނޭގޮތުން، އެ ކޯޓު އަމުރު ބެލެވުނު ހައިކޯޓުގެ ނަންބަރު2019/HC-A/45 ޤަޟިއްޔާއާ ގުޅިގެން ހުށަހެޅުނު އެންމެހައި ލިޔުންތަކާއި ޝަރީޢަތުގެ މަޖިލީހުގައި ދެކެވުނު ވާހަކަތަކާއި އަޙްމަދު އަދީބު ޢަބްދުލަޣަފޫރަށް ދިމާވެފައިވާ ބަލިޙާލަތާގުޅޭ އެންމެހައި ކަންތައްތަކުގެ މައްޗަށް ބެލުމަށްފަހު ޤާނޫނުއަސާސީއާއި ޤާނޫނުން މައްސަލަ ބަލާ ފަނޑިޔާރަށް ލިބިދޭ އިޚްތިޔާރީ ބާރުގެ ޙުދޫދުގެ ތެރެއިން ނެރެފައިވާ އަމުރެއްކަން އެނގެން އޮތްހިނދު، އަޙްމަދު އަދީބު ޢަބްދުލަޣަފޫރުގެ ޞިއްޙީ ޙާލަތުގެ މައްޗަށް ރިޢާޔަތްކޮށް އެފަދަ އަމުރެއް އެ ޙާލަތުގައި ނުނެރެފިނަމަ، އަޙްމަދު އަދީބު ޢަބްދުލަޣަފޫރުގެ ޞިއްޙީ ޙާލަތު އިތުރަށް ގޯސްވެދާނެކަމުގެ އިޙްތިމާލު އޮތްކަމަށް މައްސަލަ ބަލާ ކޯޓަށް ބުރަވެވިއްޖެނަމަ، އެ ޙާލަތުގެ މައްޗަށާއި ބަޔާންވެދިޔަ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މައްޗަށް ރިޢާޔަތްކޮށް އެފަދަ އަމުރެއް ނެރުމަށް ހުރަހެއް ނެތްކަން އެނގެން އޮންނާތީ ހައިކޯޓުގެ ނަންބަރު 2019/HC-A/45 ޤަޟިއްޔާއާ ގުޅިގެން އެ ކޯޓުން ނެރެފައިވާ ނަންބަރު 95-B6/CHT/2019/299 ކޯޓު އަމުރު ނެރެފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމުގައި ބަލާނެތަނެއް ނެތްކަން އެނގެން އޮންނަ އޮތުމެވެ.

ޙުކުމް:

އިސްވެ ބަޔާންވެދިޔަ ޝަރުޢީ އަދި ޤާނޫނީ ސަބަބުތައް އެގޮތުގެމަތިން ހުރުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/45 ޤަޟިއްޔާއާ ގުޅިގެން ނެރެފައިވާ އެ ކޯޓުގެ ނަންބަރު 95-B6/CHT/2019/299 ކޯޓު އަމުރަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނެރެފައިވާ އަމުރަކަށްވާތީ އެ އަމުރު ބާޠިލްކުރަން ޖެހޭފަދަ އެއްވެސް ސަބަބެއް ނެތްކަމަށް، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމް ކޮށްފީމެވެ.

ފަނޑިޔާރު ޢަބްދުﷲ ޢަރީފް

ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ

ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ