އިބްރާހީމް ޢަދުނާން އަނީސް ވ. ދައުލަތް (މޯލްޑިވްސް ޕޮލިސް ސަރވިސް)
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
2019/SC-A/18
ޝަރީޢަތް ނިމުނުގޮތް
އިބްރާހީމް ޢަދުނާން އަނީސް ވ. ދައުލަތް (މޯލްޑިވްސް ޕޮލިސް ސަރވިސް)
ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުނިމުނު ތާރީޚު
13 ޖަނަވަރީ 2021އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ
2015/HC-A/288
އިސްތިއުނާފު ރައްދުވާ ފަރާތް
އިސްތިއުނާފުކުރާ ފަރާތް
ދައުލަތް (މޯލްޑިވްސް ޕޮލިސް ސަރވިސް)
އިބްރާހީމް ޢަދުނާން އަނީސް
ޤާނޫނީ ވަކީލު:
އަޙްމަދު ނަޝާޠު ޞާދިޙު ނަޞީރު މަދަނީ- ޤާނޫނާ ޚިލާފަށް ވަޒީފާއިން ވަކިކުރުން- ހަނުހުރުމުގެ ޙައްޤު ބޭނުންކުރުން- ޤާނޫނު ނަންބަރު 2008/05 (ފުލުހުންގެ ޤާނޫނު)،ޤަވާޢިދު ނަންބަރު MPS-4/2009-1 )ފުލުހުންގެ ވަޒީފާއާ ބެހޭ ޤަވާޢިދު( ގެ 24 ވަނަ މާއްދާގެ (ށ)
އިބްރާހީމް ޢަދުނާން އަނީސް ވ. ދައުލަތް (މޯލްޑިވްސް ޕޮލިސް ސަރވިސް)
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ތާއީދު ކުރައްވާފައި)
ތަޢާރުފު
މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2015/HC-A/288 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި އިބްރާހީމް ޢަދުނާން އަނީސް(މީގެ ފަހުން "އިސްތިއުނާފު ކުރާ ފަރާތް" ނުވަތަ "އިބްރާހީމް ޢަދުނާން އަނީސް") ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން މި ކޯޓުން ބެލި އިސްތިއުނާފީ މައްސަލައެކެވެ. މި މައްސަލަ ރައްދު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސް (މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "ދައުލަތް") އަށެވެ.
ކަންހިނގާފައިވާ ގޮތް
އިބްރާހީމް ޢަދުނާން އަނީސް (ސ.ނ.1044) އަކީ 21 ޑިސެންބަރު 1987 އިން ފެށިގެން މޯލްޑިވްސް ޕޮލިސް ސަރވިސްގައި ވަޒީފާ އަދާކުރަމުން އައި މީހެކެވެ. އިބްރާހީމް ޢަދުނާން އަނީސް ވަޒީފާ އަދާކުރަމުން އައިސް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަޤާމު ފުރަމުން ދަނިކޮށް، މޯލްޑިވްސް ޕޮލިސް ސަރވިސްގެ މުވައްޒަފުންތަކެއް ސިޔާސީ ގޮތުން ވަކި ބަޔަކަށް މަންފާއެއް ހޯދައި ދިނުމަށްޓަކައި މަޤާމުގެ ހައިސިއްޔަތުން ލިބިފައިވާ މަޢުލޫމާތު ނަހަމަގޮތުގައި ބޭނުންކޮށް، ސަލާމަތީ ޚިދުމަތްތަކުގައި މަސައްކަތްކުރާ ފަރާތްތަކާމެދު ޢާންމު ރައްޔިތުންގެ ހިތްތަކުގައި އޮންނަ އިތުބާރާއި ޤަދަރަށް އުނިކަން ލިބޭގޮތަށް "ފުލުހުންނާއި ސިފައިން ހިންގި ބަޣާވާތް" މި ނަމުގައި ޙަޤީޤަތް އޮޅޭ ގޮތަށް ރިޕޯޓެއް ތައްޔާރުކުރުމުގައި އިބްރާހީމް ޢަދުނާން އަނީސް ބައިވެރިވި ކަމަށް ތުހުމަތުކުރެވުނެވެ. އަދި އެ މައްސަލަ ތަޙުޤީޤުކުރުމަށްފަހު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑިސިޕްލިނަރީ ބޯޑަށް މައްސަލަ ހުށަހެޅުމުން، އެ ބޯޑުން އިބްރާހީމް ޢަދުނާން އަނީސް ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވާ ކަމަށް ބުނެ، 07 އޮގަސްޓް 2012 އިން ފެށިގެން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއިން އިބްރާހީމް ޢަދުނާން އަނީސް ވަކިކޮށްފައިވާ ކަމަށް 09 އޮގަސްޓް 2012 ގައި އިބްރާހީމް ޢަދުނާން އަނީސްއަށް އެންގިއެވެ.
އިސްތިއުނާފުކުރެވޭ މައްސަލަ ސިވިލް ކޯޓުން ނިންމާފައިވާ ގޮތް
އިބްރާހީމް ޢަދުނާން އަނީސް ސްޕްރިޓެންޑެންޓް އޮފް ޕޮލިސް ގެ މަޤާމުން ވަކިކުރުމަށް ނިންމާފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި، ޤާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށާއި އެ ނިންމުން ބާޠިލު ކޮށްދިނުމަށް އެދި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ރައްދުވާގޮތަށް އިބްރާހީމް ޢަދުނާން އަނީސް ސިވިލް ކޯޓުގައި ދަޢުވާކޮށް، އެ މައްސަލަ ސިވިލް ކޯޓުގެ ނަންބަރު 2102/Cv-C/2013 ޤަޟިއްޔާއިން ބަލައިފައިވެއެވެ.
ދަޢުވާގެ ޖަވާބުގައި ދައުލަތުން ބުނެފައިވަނީ، އިބްރާހީމް ޢަދުނާން އަނީސް ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނު ނަންބަރު 2008/05 (ފުލުހުންގެ ޤާނޫނު) ގެ 7 ވަނަ މާއްދާގެ (ހ) ގެ 4، 5 އަދި 10 ވަނަ ނަންބަރާއި، އެ ޤާނޫނުގެ 69 ވަނަ މާއްދާގެ (ހ) އަދި (ނ) އާއި، ފުލުހުންގެ ވަޒީފާއާބެހޭ ޤަވާޢިދުގެ 6 ވަނަ މާއްދާގެ (ށ) އަދި ދިވެހި ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓްގެ 1، 4، 6، 7 އަދި 8 ވަނަ ނަންބަރާއި ޚިލާފުވެފައިވާތީ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި އެ ކުށްތަކަށް އަދަބު ދިނުމާބެހޭ ޤަވާޢިދުގެ 7 ވަނަ މާއްދާގެ (ހ) ގެ 1 އަދި 12 ވަނަ ނަންބަރާއި، އެ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރަށް ރިޢާޔަތްކޮށް، އެ ޤަވާޢިދުގެ 8 ވަނަ މާއްދާގެ (ކ) ގެ ދަށުން ކަމަށެވެ.
ސިވިލް ކޯޓުގެ ނަންބަރު 2102/Cv-C/2013 ޤަޟިއްޔާ ނިންމާފައިވަނީ، އިބްރާހީމް ޢަދުނާން އަނީސް ވަޒީފާއިން ވަކިކޮށްފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި، އެ ކުށްތަކަށް އަދަބު ދިނުމާބެހޭ ޤަވާޢިދުގެ 8 ވަނަ މާއްދާގެ (ކ) އާއި، އެ ޤަވާޢިދު ގައިވާ ހަމަތަކާއި، އުޞޫލުތަކާއި ޚިލާފަށް ކަމަށް ކަނޑައަޅައި، އެ ސަބަބަށްޓަކައި އިބްރާހީމް ޢަދުނާން އަނީސް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވާ ނިންމުން ބާޠިލުކަމަށެވެ.
އިސްވެ ބަޔާންކޮށްފައިވާ ގޮތަށް ސިވިލް ކޯޓުން ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްކަން، ސިވިލް ކޯޓުގެ ނަންބަރު 2102/Cv-C/2013 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
ދަޢުވާއިން ދިފާޢުވުމަށްޓަކައި ދައުލަތުން ހުށަހަޅާފައިވާ ލިޔެކިޔުންތަކުގެ މައްޗަށް ނަޒަރުކުރާއިރު، އިބްރާހީމް ޢަދުނާން އަނީސްގެ މައްޗަށް ތުހުމަތުކުރެވުނު މައްސަލައިގައި ހިމެނޭ ރިޕޯޓު ތައްޔާރުކުރުމުގައި އޭނާ ބައިވެރިވެފައިވާ ގޮތެއް އެނގެން ނެތް ކަމަށާއި، އެފަދަ ޢަމަލެއްގައި އިބްރާހީމް ޢަދުނާން އަނީސް ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ އަސާސެއް އޮތްކަން ވެސް ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާކަން؛
އިބްރާހީމް ޢަދުނާން އަނީސް ވަޒީފާއިން ވަކިކުރެވިފައިވަނީ އޭނާގެ މައްޗަށް ކުރެވުނު ތުހުމަތެއް ނުވަތަ ހީއެއްގެ މައްޗަށް ކަމުގައިވާއިރު، އެފަދައިން ޢަމަލުކުރުމަކީ ސުޕްރީމް ކޯޓުން ނިންމާފައިވާ ޤަޟިއްޔާއެއް ކަމުގައިވާ އެޓަރނީ ޖެނެރަލްގެ އޮފީސް ވ. ޙުސައިން ރިޝީފް ޠާހާ ގައި ކަނޑައަޅާފައިވާ އުސޫލާއި، ޤާނޫނުއަސާސީގެ 33 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަބުރު ރައްކާތެރިކުރުމުގެ ޙައްޤާއި، ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤުވާމީ މުޢާހަދާތަކުގައި ބަޔާންވެފައިވާ އުޞޫލުތަކާ ޚިލާފު ކަމެއް ކަން؛ އަދި
އިބްރާހީމް ޢަދުނާން އަނީސްގެ މައްޗަށް ކުރެވިފައިވާ ތުހުމަތާ ގުޅިގެން އޭނާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޙުޤީޤުގައި ބަހެއް ބުނެފައި ނެތުމަކީ، އިބްރާހީމް ޢަދުނާން އަނީސްއާ މެދު ޤާނޫނީ އަދި ޝަރުޢީ ހަމަތަކާ ޚިލާފަށް، ޢަދުލުވެރި ނޫން ފިޔަވަޅެއް އެޅުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިބިގެންވާ ފުރުޞަތެއް ނޫންކަން.
އިސްތިއުނާފުކުރެވޭ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ގޮތް
ދައުލަތުގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 2102/Cv-C/2013 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ނޫން ކަމަށް ބުނެ، އެ ނިންމުން އިސްތިއުނާފު ކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން، އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/288 ޤަޟިއްޔާއިން ބަލައިފައިވެއެވެ. އަދި އެ ޤަޟިއްޔާ ބެލުމުގައި ބައިވެރިވި ފަނޑިޔާރުންގެ މަޖިލީހުގެ އަޣްލަބިއްޔަތުން، ސިވިލް ކޯޓުގެ ނަންބަރު 2102/Cv-C/2013 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމް ބާޠިލުކުރިއެވެ.
އިސްވެ ބުނެވުނު ފަދައިން ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްކަން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/288ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
"لاينسب إلى ساكت قول، ولكن السكوت في معرض الكلام بيان" (މީހަކަށް ނުވަތަ ހަނުހުރި މީހަކަށް އެއްވެސް ވާހަކައެއް ނިސްބަތެއް ނުކުރެވޭނެއެވެ. އެހެނެއްކަމަކު ޖަވާބުދާރީވެ ވާހަކަދައްކާންޖެހޭ ފަދަ މަޤާމެއްގައި ހަނުހުރުމަކީ އެކަމަށް ޤަބޫލުވުމެވެ)، މި ފިޤްހީ ޤާއިދާގެ އަލީގައި، އިބްރާހީމް ޢަދުނާން އަނީސްގެ މައްޗަށް ކުރެވުނު ތުހުމަތާއި ގުޅިގެން ޖަވާބުދާރީވުމަށް ޑިސިޕްލިނަރީ ބޯޑުން އިބްރާހީމް ޢަދުނާން އަނީސްއަށް އެންގުމުން، އެކަމުގައި މަޤުބޫލު އެއްވެސް ސަބަބެއް ނެތި ހަނުހުރެ ޖަވާބުދާރީ ނުވުމަކީ، އެފަދަ މަޤާމެއްގައި އިބްރާހީމް ޢަދުނާން އަނީސް ބެހެއްޓުމަށް ހުއްދަކުރެވޭނެ ސަބަބެއްކަމުގައި ޤަބޫލުނުކުރެވޭކަމާއި، އެފަދައިން އިބްރާހީމް ޢަދުނާން އަނީސް ކަން ކުރުމަކީ އޭނާ ވަޒީފާއިން ވަކިކުރުމަށް ކާފީ ސަބަބެއްކަމަށް ބެލުމުގެ އިތުރުން، އޭނާގެ މައްޗަށް ތުހުމަތުކުރެވުނު ޢަމަލުގައި ބައިވެރިވެފައިވާ ކަމަށް ދަލާލަތުކުރެވޭ ކަމެއްކަން؛ އަދި
މީހަކު ޖިނާއީ ކުށެއް ކުރިކަމުގެ ތުހުމަތުގައި އޭނާ ވަޒީފާއިން ވަކިކުރާ ޙާލަތުގައި ބަލަންޖެހޭނީ މަދަނީ އަދި އިދާރީ ފިޔަވަޅެއް އެޅުމަށްޓަކައި ސާބިތުވާން އޮންނަ މިންގަނޑު (balance of probability) ގެ މައްޗަށްކަން އެނގޭއިރު، ފުލުހުންގެ ވަޒީފާއާ ބެހޭ ޤަވާޢިދުގެ 24 ވަނަ މާއްދާއަށް ބެލުމުންވެސް، މުވައްޒަފަކު ޤާނޫނަކާ ނުވަތަ ޤަވާޢިދަކާ ޚިލާފު ޢަމަލެއް ކޮށްފިކަމަށް ފުލުހުންގެ ތަޙުޤީޤަށް ސާބިތުވާ ޙާލަތްތަކުގައި ޢަމަލުކުރަންޖެހެނީ އިސްވެ ބުނެވުނު އުސޫލަށްކަން.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ ނުކުތާތަކާއި އެ ނުކުތާތަކަށް ދީފައިވާ ރައްދު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/288 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، އެ ޤަޟިއްޔާ އިސްތިއުނާފު ކުރުން އެދި އިބްރާހީމް ޢަދުނާން އަނީސްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައިގަނޑު 3 (ތިނެއް) ސަބަބެއް ހުށަހަޅާފައިވެއެވެ.
ފުރަތަމަ ސަބަބަކީ، އިބްރާހީމް ޢަދުނާން އަނީސް ވަޒީފާއިން ވަކިކުރެވިފައިވަނީ މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރުމަކާ ނުލައި ކަމުގައިވާއިރު، އޭނާ ވަޒީފާއިން ވަކިކުރަން ނިންމި ނިންމުމަކީ ރަނގަޅު ނިމުމެއް ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވަނީ ވަޒީފާއާބެހޭ ޤާނޫނާއި، އިސްތިޤްރާރުވެފައިވާ ޝަރުޢީ އުސޫލާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ސަބަބެވެ.
ދެވަނަ ސަބަބަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 37 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ކޮންމެ ރައްޔިތަކަށްމެ، އެ މީހަކު އިޚްތިޔާރުކުރާ ވަޒީފާއެއް އަދާކުރުމުގެ ނުވަތަ މަސައްކަތެއް ކުރުމުގެ ޙައްޤަކީ ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤެއް ކަމުގައިވާއިރު، އިބްރާހީމް ޢަދުނާން އަނީސްގެ ކިބައިން އެ ހައްޤު ނިގުޅައި ގަނެފައިވާ ކަމަށް ބުނެ ހުށަހެޅި ސަބަބެވެ.
ތިންވަނަ ސަބަބަކީ، އިބްރާހީމް ޢަދުނާން އަނީސްއަށް ވަޒީފާދިން އިރުވެސް ނުވަތަ އޭގެ ފަހުންވެސް އޭނާ އެހުރި މަޤާމަކީ ހަނުހުރުމުގެ ބޭނުން ނުކުރެވޭނެ މަޤާމެއްކަން އޭނާއަށް އަންގައިފައި ނުވާއިރު، އޭނާ ހަނުހުރެއްޖެނަމަ، އެކަމުގެ ނުރަނގަޅު ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެކަމަށް ބުނެ ނޯޓިސް އެއް ނުވަތަ އިންޒާރެއް ވެސް ދީފައިނުވުމުގެ އިތުރުން، ތަޙުޤީޤެއް ނުވަތަ ތަޙުލީލެއްގެ މައިގަނޑު މަޤްޞަދަކީ ކަމުގެ ޙަޤީޤަތް ހޯދުން ކަމުގައިވާއިރު، އެ ތަޙުލީލަކުން ނަތީޖާއެއް ނުނެރެވުމުން، އަސްލަށް ރުޖޫޢަވާން ޖެހޭނެކަމާއި، އަސްލަކީ "ބަރާއަތުއްޒިންމާ" (ޒިންމާއިން ބަރީޢަވެގެންވުން) ކަމުން، އިބްރާހީމް ޢަދުނާން އަނީސްގެ މައްޗަށް ތުހުމަތުކުރެވުނު މައްސަލައިގައި އޭނާ ހަނުހުރީތީ، ހަމައެކަނި އެ ކަމުގެ މައްޗަށް ބިނާކޮށް ގޮތް ނިންމުމަކީ އެކަމުގެ ސަބަބުން އޭނާގެ ޙައްޤުތަކަށް ނުރަނގަޅު އަސަރުކުރާ ކަމެއް ކަމަށްބުނެ ހެޅި ސަބަބެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/288ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ އިބްރާހީމް ޢަދުނާން އަނީސްގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކަށް ރައްދު ދިނުމުގެ ގޮތުން ދައުލަތުން މައިގަނޑު 3 (ތިނެއް) ނުކުތާއެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ފާހަކޮށްފައިވެއެވެ.
ފުލުހުންގެ ޤާނޫނު ގެ ދަށުން އެކުލަވާލާފައިވާ ފުލުހުންގެ ވަޒީފާއާ ބެހޭ ޤަވާޢިދުގެ 25 ވަނަ މާއްދާގެ (ހ) އާއި ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކަށް އަދަބު ދިނުމާބެހޭ ޤަވާޢިދުގެ 6 ވަނަ މާއްދާގެ (ށ) ގައިވާ ފަދައިން އިސްތިއުނާފު ކުރާ ފަރާތާމެދު ނިންމާފައިވާ ނިންމުން ތަންފީޒުކުރަން ކޮމިޝަނަރ އޮފް ޕޮލިސްއަށް ފެންނަކަމަށް ލިޔުމުން މިނިސްޓަރަށް ހުށަހަޅާފައިވާކަން ފެންނަން ނެތުމަކީ، އިސްވެ ބަޔާންކުރެވުނު ދެ ޤަވާޢިދުގައި ބަޔާންކޮށްފައިވާ އިޖުރާއަތާ ޚިލާފު އަދި ސުޕްރީމް ކޯޓުގެ ދެ ނިންމުން ކަމުގައިވާ މުޙައްމަދު ޙަމީދު ވ. މޯލްޑިވްސް ޕޮލިސް ސަރވިސް އާއި މުޙައްމަދު ޙަބީބު ވ. އެޓަރނީ ޖެނެރަލްގެ އޮފީސް ގައި ކަނޑައަޅާފައިވާ އުސޫލާ ޚިލާފުކަމެއް ކަމުގައި ދައުލަތުންވެސް ދެކޭ ކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
ވަޒީފާ އަދާކުރުމުގެ ޙައްޤަކީ އަސާސީ ޙައްޤެއް ކަމުގައިވާއިރު، ޤާނޫނުއަސާސީގެ 18 ވަނަ މާއްދާގެ ދަށުން ލިބިދެވޭ އަސާސީ ޙައްޤުތަކާއި މިނިވަންކަން ޙިމާޔާތްކޮށް، ކުރިއެރުވުމަކީ ދައުލަތުގެ ވާޖިބެއްކަމާއި، ޤާނޫނުއަސާސީގެ 20 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ޤާނޫނުގެ ރައްކާތެރިކަން ހަމަހަމަގޮތުގައި ލިބުމަކީ ކޮންމެ މީހެއްގެވެސް ޙައްޤެއް ކަމުގައިވާތީ، ދައުލަތުގެ ފަރާތުން އެދެނީ އިސްތިއުނާފު ކުރާ ފަރާތުގެ ވަޒީފާއާ ގުޅިގެން ނިންމާފައިވާ ނިންމުމަކީ ޝަކްލީ ގޮތުންނާއި އިޖުރާއީ ގޮތުން ތަބާވުން ލާޒިމުކޮށްފައިވާ ކަންތައްތަކަށް ތަބާވެފައިވާ ނިންމުމެއް ނޫން ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
އިބްރާހީމް ޢަދުނާން އަނީސް ހުރި ވަޒީފާއިން އޭނާ ވަކިކޮށްފައިވަނީ ރަނގަޅަށް ނޫން ނަމަވެސް، ބަދަލުގެ ގޮތުގައި އިބްރާހީމް ޢަދުނާން އަނީސް އެދިފައިވާ މުއްދަތަށް ބަދަލުނަގައި ދިނުމަށް ދައުލަތުން އިއުތިރާޟު ކުރާކަމަށާއި، މިހާރު މި ބާވަތުގެ މައްސަލަތަކުގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދިނުމަށް ސަރުކާރުން ނިންމާފައިވަނީ 1 (އެކެއް) އަހަރު ދުވަހުގެ ބަދަލެއް ކަމުގައިވާތީ، 1 (އެކެއް) އަހަރުގެ ދުވަހުގެ ބަދަލަކީ ޢަދުލުވެރި ބަދަލެއްކަމުގައި ދެކޭ ކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
ދެމި އޮތް ޚުޞޫމަތް
ސިވިލް ކޯޓުގެ ނަންބަރު 2102/Cv-C/2013 ޤަޟިއްޔާ އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/288ޤަޟިއްޔާ ހިނގަމުން ދިޔައިރު، ދައުލަތުގެ ފަރާތުން ވަކާލާތު ކޮށްފައިވަނީ އިބްރާހީމް ޢަދުނާން އަނީސް އޭނާ މޯލްޑިވްސް ޕޮލިސް ސަރވިސްގައި އަދާކުރަމުންދިޔަ ވަޒީފާއިން ވަކިކޮށްފައިވަނީ ރަނގަޅަށް ކަމަށެވެ. އެހެންނަމަވެސް، އިބްރާހީމް ޢަދުނާން އަނީސް ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާއި އެއްގޮތަށް ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅައި، އެ މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބެލުމުގެ މަރުޙަލާގައި ދައުލަތުގެ ފަރާތުންވަނީ އެ ފަރާތުން ވަކާލާތުކުރަމުން އައި ގޮތް ބަދަލުކޮށް، އިބްރާހީމް ޢަދުނާން އަނީސް ވަޒީފާއިން ވަކިކޮށްފައިވަނީ، ވަޒީފާއިން ވަކިކުރުމުގެ އުސޫލުތަކާއި އެއްގޮތަށް ނޫން ކަމަށް ވަކާލާތުކޮށްފައެވެ. އެހެންކަމުން، މައްސަލައިގައި ހިމެނޭ ޚަސްމުންގެ މެދުގައި، އިބްރާހީމް ޢަދުނާން އަނީސް ވަޒީފާއިން ވަކިކޮށްފައިވަނީ މައުޟޫޢީ އަދި އިޖުރާއީ ޢަދުލުވެރިކަން ފުރިހަމަ ނުވެ ކަމާމެދު މި ހިނދުގައި ޚުޞޫމަތެއް ނެތެވެ.
އިބްރާހީމް ޢަދުނާން އަނީސްއާއި ދައުލަތާ ދެމެދު މިހާރު ދެމި އޮތް ޚުޞޫމަތަކީ އިބްރާހީމް ޢަދުނާން އަނީސް ވަޒީފާއިން ވަކިކުރުމުގެ ސަބަބުން އޭނާއަށް ލިބިދޭންޖެހޭ ބަދަލުގެ މިންވަރާމެދު އުފެދިފައިވާ ޚުޞޫމަތެވެ. އިބްރާހީމް ޢަދުނާން އަނީސްގެ ފަރާތުން އެދިފައިވަނީ އޭނާ ވަޒީފާއިން ވަކިކުރި ދުވަސް ކަމުގައިވާ 7 އޮގަސްޓް 2012 އިން ފެށިގެން އޭނާއަށް ވަޒީފާ އަނބުރާ ލިބިދިނުމާއި ހަމައަށް ހިނގާ މުއްދަތަށް އޭނާއަށް ލިބެންވާ މުސާރައާއި އިނާޔަތްތައް ލިބިދިނުމަށެވެ. ދައުލަތުގެ ފަރާތުން އެދެނީ ދައުލަތުގެ ސިޔާސަތާއި އެއްގޮތަށް އިބްރާހީމް ޢަދުނާން އަނީސް އަށް ލިބިދެވޭ ބަދަލުގެ މިންވަރު 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ލިމިޓްކުރުމަށް ނުވަތަ މަޙްދޫދުކުރުމަށެވެ.
ގޮތް ކަނޑައަޅަންޖެހޭ ނުކުތާތައް
އިބްރާހީމް ޢަދުނާން އަނީސް ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއިން ވަކިކުރުމުގައި ގެންގުޅެންޖެހޭ އުސޫލުތަކާއި އެއްގޮތަށް ނޫން ކަމާމެދު މައްސަލައިގައި ހިމެނޭ ފަރާތްތަކުން މިހާރު އެއްބަސްވާހިނދު، އިސްތިއުނާފު ކުރާ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އަންނަނިވި ނުކުތާތަކާމެދު ގޮތް ކަނޑައެޅުމަކީ މުހިންމު ކަމެއްކަމުގައި ދެކެމެވެ.
ހަނުހުރުމުގެ ޙައްޤުގެ ބޭނުން ހިފުން
ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ފަދައިން، އިބްރާހީމް ޢަދުނާން އަނީސްގެ މައްޗަށް ތުހުމަތުކުރެވުނު ކަންކަމާއި ގުޅިގެން އޭނާއަށް ޑިސިޕްލިނަރީ ބޯޑުގެ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު ދީފައިވާކަމާއި، އެ ބައްދަލުވުމުގައި އިބްރާހީމް ޢަދުނާން އަނީސްއަށް ވަކީލަކު ޢައްޔަނުކޮށްގެން ކުރިއަށް ދިއުމުގެ ފުރުޞަތު ދީފައިވާކަމާއި، އިބްރާހީމް ޢަދުނާން އަނީސްގެ މައްޗަށް ޖިނާއީ ތުހުމަތެއް ކުރެވުނުކަމާއި، އޭނާގެ މައްޗަށް ކުރެވުނު ތުހުމަތާއި ގުޅިގެން އިބްރާހީމް ޢަދުނާން އަނީސް ހަނުހުރުމަށް އިޚްތިޔާރުކޮށްފައިވާކަން އެނގެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2015/HC-A/288 ޤަޟިއްޔާ އެ މައްޗަށް ނިމުނު އަޣުލަބިއްޔަތު ރައުޔުގައި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑިސިޕްލިނަރީ ބޯޑުން އިބްރާހީމް ޢަދުނާން އަނީސްގެ މައްޗަށް ކުރެވުނު ތުހުމަތާއި ގުޅިގެން ޖަވާބުދާރީވުމަށް އެންގުމުން، އޭނާ ހަނުހުރުމުން އެއީ، އެ ޢަމަލުގެ ސަބަބުން އެފަދަ މަޤާމެއްގައި އިބްރާހީމް ޢަދުނާން އަނީސް ބެހެއްޓުމަށް ހުއްދަކުރެވޭނެ ސަބަބެއްކަމުގައި ޤަބޫލުނުކުރެވޭ ކަމަށާއި، އިބްރާހީމް ޢަދުނާން އަނީސް އެފަދައިން ކަންކުރުމަކީ އޭނާ ވަޒީފާއިން ވަކިކުރުމަށް ކާފީ ސަބަބެއް ކަމަށް ބެލުމުގެ އިތުރުން، އޭނާގެ މައްޗަށް ތުހުމަތުކުރެވުނު ޢަމަލުގައި ބައިވެރިވެފައިވާ ކަމަށް ދަލާލަތުކުރެވޭ ކަމެއްކަމުގައި ކަނޑައަޅާފައިވެއެވެ. ހައިކޯޓުން މިފަދައިން ކަނޑައެޅުމުން ޤާނޫނީ މައްސަލަތަކެއް ކުރިމަތިވާ ކަމުގައި އިބްރާހީމް ޢަދުނާން އަނީސް ބުނެއެވެ. މިގޮތުން، އިބްރާހީމް ޢަދުނާން އަނީސް ހުރި ވަޒީފާ ނުވަތަ މަޤާމުގެ ގޮތުން އޭނާއަށް ހަނުހުރުމުގެ ޙައްޤު ބޭނުން ނުކުރެވޭނެ ކަމަށް ނުވަތަ އޭނާ ހަނުހުރެއްޖެނަމަ އެކަމުގެ ނުރަނގަޅު ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެކަމަށް އަންގައިފައި ނުވާއިރު، އޭނާގެ މައްޗަށް ތުހުމަތުކުރެވުނު މައްސަލައިގައި އޭނާ ހަނުހުރިތީ ހަމައެކަނި އެކަމުގެ މައްޗަށް ބަލައި ގޮތް ނިންމުމަކީ އެ ކަމުގެ ސަބަބުން އޭނާގެ ޙައްޤުތަކަށް ނުރަނގަޅު އަސަރުކުރާ ކަމެއް ކަމަށް އިބްރާހީމް ޢަދުނާން އަނީސް ބުނެއެވެ.
ހަނުހުރުމުގެ ޙައްޤާއިމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2015/HC-A/288 ޤަޟިއްޔާގައި ފާހަގަކޮށްފައިވާ ކަންކަމާއި ގުޅިގެން އަންނަނިވި ކަންކަން ފާހަގަކުރަމެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ހަނުހުރުމުގެ ޙައްޤަކީ ހައްޔަރުކުރެވޭ ނުވަތަ ބަންދުކުރެވޭ މީހުންނަށް ލިބިދީފައިވާ ޙައްޤެއްކަން.
ކޯޓުތަކުން އަސާސީ ޙައްޤުތަކާއި މިނިވަންކަން މާނަކުރުމުގައި އަދި ލިބިދިނުމުގައި ހުޅުވިގެންވާ މިނިވަން ދީމިޤްރާތީ މުޖްތަމަޢުތަކުގައި ޢަމަލުކުރާ ގޮތާއި ދިވެހިރާއްޖެ ސޮއިކޮށްފައިވާ ބައިނަލްއަޤްވާމީ މުޢާޙަދާތަކަށް ރިޢާޔަތްކުރުމަށް ޤާނޫނުއަސާސީގެ 68 ވަނަ މާއްދާއިން ލާޒިމުކޮށްފައިވާހިނދު، ދިވެހިރާއްޖޭގައި އަސާސީ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހަނިކުރެވޭނީ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ފަދައިން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ކަމުގައިވެފައި، ޤާނޫނުއަސާސީގެ 69 ވަނަ މާއްދާގައި، ޤާނޫނުއަސާސީގައި ބަޔާންވެގެންވާ އެއްވެސް ޙައްޤަކަށް ނުވަތަ މިނިވަންކަމަކަށް އުނިކަން ލިބޭނެ ފަދައަކުން ޢަމަލުކުރުމުގެ ނުވަތަ އެފަދަ ޢަމަލެއްގައި ބައިވެރިވުމުގެ ޙައްޤު އެއްވެސް ފަރާތަކަށް ލިބިގެން ނުވާކަމުގައި އަދި އެފަދައިން އެއްވެސް ޙައްޤެއް ނުވަތަ މިނިވަންކަމެއް މާނަކޮށްގެން ނުވަތަ ތަރުޖަމާކޮށްގެން ނުވާނެ ކަމުގައި ބަޔާންކޮށްފައިވުމުން، ޤާނޫނަކުން (ވަކި ޙާލަތެއް ނުވަތަ ޙާލަތްތަކެއްގައި ނުވަތަ ޖުމުލަކޮށް ނަމަވެސް) ހަނުހުރުމަކީ އެފަދައިން ހަނުހުންނަ ފަރާތަކާއި ދެކޮޅަށް ބޭނުންކުރެވިދާނެ ކަމެއް (adverse inference) ކަމުގައި ބަޔާންކޮށްފައި ނުވާނަމަ، އެފަދަ މާނަކުރުމެއް އޮތްކަމުގައި ބެލުމަކީ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އުސޫލުތަކުގެ ބޭރުން ކުރެވޭ މާނަކުރުމެއްކަން.
މީހެއްގެ މައްޗަށް ކުރެވޭ ތުހުމަތަކާއި ގުޅިގެން އޭނާގެ ވަޒީފާއާމެދު ގޮތެއް ކަނޑައެޅުމަށްޓަކައި ކުރެވޭ ތަޙުޤީޤެއްގައި އެ މީހެއްގެ ދިފާޢުގައި އެއްޗެކޭ ބުނުން ނުވަތަ ނުބުނުމަކީ އެ ފަރާތުގެ އިޚްތިޔާރެއްކަން.
އަދި އެފަދައިން ތަޙުޤީޤު ކުރެވޭ ފަރާތަކުން އޭނާގެ ދިފާޢުގައި އެއްޗެއް ނުބުނުމަކީ އެ ކަމުގެ ސަބަބުން އޭނާގެ މައްޗަށް ތުހުމަތުކުރެވޭ އަމަލު އޭނާ ކުރިކަން ދައްކުވައިދޭ ކަމެއް ނޫންކަން.
ފުލުހަކު ވަޒީފާއިން ވަކިކޮށްފައިވަނީ ރަނގަޅަށްކަން ނުވަތަ ނޫންކަން ކަނޑައަޅާނެ މިންގަނޑު
ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) އިން ފުލުހުންނާއި ސިފައިން އިސްތިސްނާ ކޮށްފައިވާތީ، ފުލުހަކު ވަޒީފާއިން ވަކިކުރުމުގެ މައްޗަށް ހިނގަނީ އެ ޤާނޫނުގައި ބަޔާންކޮށްފައިވާ އާންމު ހަމަތަކާއި މިންގަނޑުތަކެއް ނޫނެވެ.
ފުލުހަކު ވަޒީފާއިން ވަކިކުރެވޭނީ "މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކުރާ ތަޙުޤީޤަކުން ނުވަތަ ތަޙުލީލަކުން މުވައްޒަފަކު ޤާނޫނާއި ނުވަތަ ޤަވާޢިދާއި ޚިލާފު އަމަލެއް ކޮށްފިކަން ފުލުހުންގެ ތަޙުޤީޤަށް ސާބިތުވާ ޙާލަތެއްގައި، އެ ކުޅަ އަމަލެއްގެ ސަބަބުން މޯލްޑިވްސް ޕޮލިސް ސަރވިސްފަދަ ސަލާމަތީ ޚިދުމަތް ދޭ މުއައްސަސާއެއްގައި، އެފަދަ މީހަކު އިތުރަށް ވަޒީފާގައި ބެހެއްޓުމަކީ އޭގެ ސަބަބުން އެހެން މުވައްޒަފުންނަށާއި މުއައްސަސާގެ މައްޗަށް ޢާންމު ރައްޔިތުން ކުރާ އިތުބާރު ކުޑަވެދާނެ ނުވަތަ ބުރޫއަރާފާނެ ކަމެއް ކަމަށް ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކުގެ އަދަބު ކަނޑައަޅާ ބޯޑުން ނުވަތަ ކޮމިޓީއިން ހުށަހެޅުމުން" ކަމުގައި ފުލުހުންގެ ޤާނޫނުގެ 17 ވަނަ މާއްދާގެ (ނ) ގެ ދަށުން ބާރު ލިބިގެން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހަދާފައިވާ ފުލުހުންގެ ވަޒީފާއާބެހޭ ޤަވާޢިދުގެ 24 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވެއެވެ.
އެހެންކަމުން، ފުލުހަކު ވަޒީފާއިން ވަކިކުރެވޭނީ ދެ ކަމެއް ފުރިހަމަވެގެންނެވެ. އެއީ:
ފުލުހަކު ޤާނޫނާއި ނުވަތަ ޤަވާޢިދާއި ޚިލާފު އަމަލެއްކޮށްފިކަން ފުލުހުންގެ ތަޙުޤީޤަށް ސާބިތުވުން؛ އަދި
ފުލުހަކު ޤާނޫނާއި ނުވަތަ ޤަވާޢިދާ ޚިލާފު އަމަލެއްކޮށްފިކަން ފުލުހުންގެ ތަޙުޤީޤަށް ސާބިތުވާ އެ އަމަލަކީ އެ އަމަލުގެ ސަބަބުން، އެފަދަ މީހަކު އިތުރަށް ވަޒީފާގައި ބަހައްޓައިފިނަމަ އެހެން މުވައްޒަފުންނާއި މުއައްސަސާގެ މައްޗަށް އާންމު ރައްޔިތުންކުރާ އިތުބާރު ކުޑަވެދާނެ ނުވަތަ ބުރޫ އަރާފާނެ ކަމެއް ކަމަށް ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކުގެ އަދަބު ކަނޑައަޅާ ބޯޑަށް ނުވަތަ ކޮމިޓީއަށް ފެނުން؛
މިއެވެ. މި ކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ޤަޟިއްޔާއެއް ކަމުގައިވާ އެޓަރނީ ޖެނެރަލްގެ އޮފީސް ވ. އަޒުހަރު ރަޝާދު ގައި ވެސް ބަޔާންކޮށްފައިވެއެވެ.
ފުލުހުންގެ ވަޒީފާއާބެހޭ ޤަވާޢިދުގެ 24 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން ފުލުހަކު ގާނޫނާއި ނުވަތަ ޤަވާޢިދާ ޚިލާފު އަމަލެއްކޮށްފިކަން ފުލުހުންގެ ތަޙުޤީޤަށް ސާބިތުވެފައިވޭތޯ ބެލުމުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑިސިޕްލިނަރީ ބޯޑުގެ މަސްއޫލިއްޔަތަކީ، ފިޔަވަޅު އެޅުމަށް އެކަށޭނަ ހެކި ހުރިތޯ ވަޒަންކުރުމެވެ. މިގޮތުން، އެޓަރނީ ޖެނެރަލްގެ އޮފީސް ވ. ޙުސައިން ރިޝީފް ޠާހާ ގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުސޫލުގައި، ފުލުހުންގެ ވަޒީފާއާބެހޭ ޤަވާޢިދުގެ 24 ވަނަ މާއްދާގެ ދަށުން، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑިސިޕްލިނަރީ ބޯޑުން ފުލުހަކު ވަޒީފާއިން ވަކިކޮށްފައިވާ މައްސަލައެއް ކޯޓަށް ހުށަހެޅިއްޖެނަމަ، ކޯޓުން ބަލަންޖެހޭ ދެ ކަމެއް ފާހަގަކޮށްފައި ވެއެވެ. އެއީ:
ފުރަތަމަ ކަމަކަށް، ޑިސިޕްލިނަރީ ބޯޑަށް އެކަން ސާބިތުވާ ކަމަށް ނިންމުމަށް ބޯޑަށް ބުރަވެވުނު ބުރަވުން ބިނާވާ އެކަށޭނަ ހެކި އެ ބޯޑުގެ ކުރިމަތީގައި އެ ވަގުތު ހުރިކަން ނުވަތަ ނޫންކަމެވެ.
ދެވަނަ ކަމަކަށް، ވަޒީފާއިން ވަކިކުރެވުނު މީހާ ވަޒީފާއިން ވަކިކުރުމަށް އެކަށީގެންވާ ސަބަބެއް އޮތްކަމަށް އެ ބޯޑަށް ގަބޫލުކުރެވުނު ސަބަބުތަކުގެ ޙަޤީޤަތް ދެނެގަތުމަށް އެ ބޯޑުން އެކަށީގެންވާ މިންވަރެއްގެ ތަޙުޤީޤެއް ކޮށްފައިވާކަން ނުވަތަ ނޫންކަމެވެ.
މިހެންކަމުން، ފުލުހުންގެ ވަޒީފާއާބެހޭ ޤަވާޢިދުގެ 24 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުން ފުލުހަކު ވަޒީފާއިން ވަކިކުރެވޭނީ، ފުލުހަކު ގާނޫނާއި ނުވަތަ ޤަވާޢިދާ ޚިލާފު އަމަލެއްކޮށްފިކަން ފުލުހުންގެ ޑިސިޕްލިނަރީ ބޯޑަށް ސާބިތުވުމުގެ އިތުރަށް، އެ މީހާ ކުރި އަމަލުގެ ޒާތަށް ބަލާއިރު އެފަދަ މީހަކު އިތުރަށް ވަޒީފާގައި ބަހައްޓައިފިނަމަ އޭގެ ސަބަބުން އެ ތަނުގެ އެހެން މުވައްޒަފުންނާއި އެ މުއައްސަސާގެ މައްޗަށް އާންމު ރައްޔިތުންކުރާ އިތުބާރު ކުޑަވެދާނެ ކަމެއް ކަމަށް ނުވަތަ ބުރޫއަރާފާނެ ކަމެއް ކަމަށް ޑިސިޕްލިނަރީ ބޯޑަށް ފެނުމުންނެވެ. އެ ތުހުމަތުކުރެވޭ އަމަލުގެ ބާވަތަކީ ފުލުހުންގެ މައިގަނޑު ވާޖިބާއި މަސްއޫލިއްޔަތާ ފުށުއަރާ އަމަލެއް ކަމުގައިވާނަމަ، އެ އަމަލަކީ އޭގެ ޒާތުގައި އެހެން މުވައްޒަފުންނާއި އެ މުއައްސަސާގެ މައްޗަށް އާންމު ރައްޔިތުންކުރާ އިތުބާރު ކުޑަވެދާނެ ކަމެއް ކަމަށް ނުވަތަ ބުރޫއަރާފާނެ ކަމެއް ކަމަށް ބެލެވިދާނެއެވެ.
އިބްރާހީމް ޢަދުނާން އަނީސް ވަޒީފާއިން ވަކިކުރި މައްސަލަ ބެލުމުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑިސިޕްލިނަރީ ބޯޑުގެ އަޑުއެހުމުގައި އޭނާއަށް ބައިވެރިވުމުގެ ފުރުޞަތުދީ، ޤާނޫނީ ވަކީލަކު ޢައްޔަނުކުރުމުގެ ފުރުޞަތު ދީފައިވާކަން ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ކިތާބީ ހެކިން އެނގެން އޮތްނަމަވެސް، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑިސިޕްލިނަރީ ބޯޑުގެ ފަރާތުން އިބްރާހީމް ޢަދުނާން އަނީސް ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވަނީ އެ ފަރާތުގެ ތަޙުޤީޤަށް ކޮން މަޢުލޫމާތެއް ނުވަތަ ހެއްކެއް ހުށަހެޅިފައިވުމުންކަން ދައުލަތުން ހާމަކޮށްފައި ނުވެއެވެ. އަދި އެހެންކަމުން، އިބްރާހީމް ޢަދުނާން އަނީސްގެ މައްޗަށް ތުހުމަތު ކުރެވުނު ޢަމަލު ސާބިތުވާކަމަށް ޑިސިޕްލިނަރީ ބޯޑަށް ބުރަވެވުނު ބުރަވުން ބިނާވާ އެކަށޭނަ ހެއްކެއް އެ ބޯޑުގެ ކުރިމަތީގައި އެވަގުތު އޮތްކަން ނުވަތަ ނޫންކަން އެއްވެސް މަރުޙަލާއެއްގައި ކޯޓަށް ދައުލަތުން ސާފުކޮށްދީފައި ނުވެއެވެ. އަދި ހަމަ އެއާއެކު، އިބްރާހީމް ޢަދުނާން އަނީސް ވަޒީފާއިން ވަކިކުރުމަށް އެކަށީގެންވާ ސަބަބެއް އޮތް ކަމަށް އެ ބޯޑަށް ގަބޫލުކުރެވުނު ސަބަބުތަކުގެ ޙަޤީޤަތް ދެނެގަތުމަށް އެ ބޯޑުން އެކަށީގެންވާ މިންވަރެއްގެ ތަޙުޤީޤެއް ކޮށްފައިވާކަން ނުވަތަ ނޫންކަން ވެސް ދައުލަތުން އެއްވެސް މަރުޙަލާއެއްގައި ސާފުކޮށްދީފައި ނުވެއެވެ.
މިހެންކަމާއެކު، އިބްރާހީމް ޢަދުނާން އަނީސް ވަޒީފާއިން ވަކިކޮށްފައިވަނީ "ކުށްހީއެއްގެ" މައްޗަށް ނޫންކަމަށާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑިސިޕްލިނަރީ ބޯޑުން އިބްރާހީމް ޢަދުނާން އަނީސްގެ މައްޗަށް ތުހުމަތުކުރެވުނު ޢަމަލު ބަލައިފައިވާ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2015/HC-A/288 ޤަޟިއްޔާ ގައި ކަނޑައަޅާފައިވަނީ ކޮން ބިނާއެއްގެ މައްޗަށް ކަން އެނގޭން ނެތެވެ. އަދި އިބްރާހީމް ޢަދުނާން އަނީސްގެ މައްޗަށް ތުހުމަތުކުރެވުނު ޢަމަލު އޭނާ ކުރިކަމަށް ހައިކޯޓުން ކަނޑައަޅާފައިވަނީ އިބްރާހީމް ޢަދުނާން އަނީސްގެ މައްޗަށް ތުހުމަތުކުރެވުނު ޢަމަލުގެ ޒާތަށާއި ތަޙުޤީޤުގައި އިބްރާހީމް ޢަދުނާން އަނީސްގެ ފަރާތުން ބަހެއް ބުނާން ބޭނުން ނުވި ނުވުމުގެ މައްޗަށް އެކަނި ބަރޯސާވެ، މައްސަލަ ބެލުމުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑިސިޕްލިނަރީ ބޯޑުން ރިޢާޔަތްކުރި (ނުވަތަ ނުކުރާ) ކަންކަމަށް އެއްވެސް ބުރަދަނެއް ދިނުމަކާއި ނުލާކަމުން، ހައިކޯޓުގެ މި ނިންމުމަކީ މިފަދަ މައްސަލަތަކުގައި ޢަމަލުކުރާން އޮންނަ މިންގަނޑު ގެ އަލީގައި ކަނޑައަޅާފައިވާ ކަނޑައެޅުމެއް ކަމުގައި އަހުރެން ނުދެކެމެވެ.
ގެއްލުމުގެ ބަދަލު
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މި މައްސަލަ ހުށަހެޅުމުގައި އިބްރާހީމް ޢަދުނާން އަނީސްގެ ފަރާތުން އެދިފައިވަނީ އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާއި ޚިލާފަށް ކަމުގައި ކަނޑައަޅައި ދިނުމަށާއި، އޭނާ އަދާކުރަމުން ދިޔަ ވަޒީފާއާ އެއް ފެންވަރެއްގެ ވަޒީފާ ލިބިދިނުމަށާއި، އިބްރާހީމް ޢަދުނާން އަނީސް ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން އޭނާއަށް ވަޒީފާ އަނބުރާ ލިބިދިނުމާއި ހަމައަށް ހިނގާ މުއްދަތަށް އޭނާއަށް ލިބެންވާ މުސާރައާއި އިނާޔަތްތައް ލިބިދިނުމަށެވެ. ދައުލަތުގެ ފަރާތުން އެދިފައިވަނީ އެފަދައިން ނަގައިދޭ ބަދަލެއްގެ މިންވަރު 1 (އެކެއް) އަހަރު ދުވަހަށް ހިސާބުކުރުމަށެވެ.
އެހެންނަމަވެސް އިބްރާހީމް ޢަދުނާން އަނީސް ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާއި ޚިލާފަށް ކަމުގައި ކަނޑައަޅައިދިނުމަށް އެދި، އޭނާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި، އިބްރާހީމް ޢަދުނާން އަނީސްގެ ފަރާތުން އޭނާއަށް ވަޒީފާ އަނބުރާ ލިބިދިނުމަށާއި ބަދަލު ހޯދުމަށް އެދިފައި ނުވެއެވެ. އަދި ސިވިލް ކޯޓުން އެ މައްސަލައަށް ގޮތް ނިންމުމުގައި އެފަދަ ޙައްލެއް ލިބިދީފައި ވެސް ނުވެއެވެ.
ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނޫ) ގެ 32 ވަނަ މާއްދާގެ (ހ) އާއި އެ ޤާނޫނުގެ 16 ވަނަ މާއްދާ އަށް ބެލުމުން، ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމު ތަރުތީބުކޮށްފައިވާ ގޮތުން، ދަށު ކޯޓުގެ ނިންމުމެއް އިސްތިއުނާފު ކުރެވޭ ހިނދު، އެ މައްސަލައެއް ބެލުމުގައި، އިސްތިއުނާފީ ކޯޓުގެ ދައުރަކީ ދަށު ކޯޓުގައި މައްސަލަ ނިންމާފައިވަނީ ޤާނޫނާ ޚިލާފަށްކަން ނުވަތަ ނޫންކަން ކަނޑައެޅުން ކަން ސާފެވެ. އަދި ދަށު ކޯޓުގައި ވަކި ކަމަކާމެދު ވަކި ގޮތަކަށް ނިންމާނީ އެ ކޯޓުގައި މައްސަލަ ބެލިއިރު ހުށަހެޅި ދަފްޢުތަކާއި ހެކިތަކުގެ އަލީގައި ކަމުގައިވުމުން، ދަށު ކޯޓުގެ ނިންމުމެއް އިސްތިއުނާފު ކުރުމުން، އިސްތިއުނާފީ ކޯޓުގައި އެފަދަ މައްސަލަތައް ބެލުމުގައި އިސްތިއުނާފުގެ އަސާސަކަށް ވެގެންދަނީ (އައު އެހެން ކަމެއް ނުހިމެނޭގޮތުން) ދަށު ކޯޓުގައި ހުށަހެޅިފައިވާ ކަންކަމެވެ.
މި ރައުޔުގެ 25 އަދި 26 ވަނަ ޕެރެގްރާފްގައި ބަޔާންކޮށްފައިވާ ސަބަބުތަކަށްޓަކައި، ޤާނޫނުގައިވާ ގޮތާއި ޚިލާފަށް އިބްރާހީމް ޢަދުނާން އަނީސް ވަޒީފާއިން ވަކިކުރުމުގެ ސަބަބުން އޭނާއަށް ބަދަލު ނަގައިދިނުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުން، މި މައްސަލައިގެ ތެރެއިން ބެލޭނެކަމުގައި އަހުރެން ނުދެކެމެވެ.
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު
މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާން ވެދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/288 ޤަޟިއްޔާގެ ޙުކުމް ބާޠިލު ކަމުގައި ކަނޑައަޅައި، ސިވިލް ކޯޓުގެ ނަންބަރު 2102/Cv-C/2013 ޤަޟިއްޔާގެ ޙުކުމަށް ތާއީދުކޮށް، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
އަޒްމިރާލްދާ ޒާހިރުޢާއިޝާ ޝުޖޫން މުޙައްމަދުމަޙާޒު ޢަލީ ޒާހިރު(ރިޔާސަތު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.