ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އާމިނަތު އަޙްމަދު
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޝަރީޢަތް ނިމުނު ގޮތް
ޤަޟިއްޔާ ނަންބަރު:
2020/SC-JC/04
އިސްތިއުނާފު ކުރާ ފަރާތް:
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
އިސްތިއުނާފު ރައްދުވާ ފަރާތް:
އާމިނަތު އަޙްމަދު
މައްސަލައިގެ ބާވަތް:
ނިހާއީ ޙުކުމެއްކަން ކަށަވަރުކުރަން ހުށަހަޅާ މައްސަލަ
މައްސަލަ އައިގޮތް:
ހައިކޯޓުގެ ޙުކުމަކީ ނިހާއީ ޙުކުމެއްކަން ކަށަވަރުކުރަންޖެހޭ ޖިނާއީ މައްސަލަތައް އިލްތިމާސްކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚު:
26 ނޮވެމްބަރ 2019ރަޖިސްޓްރީ ކުރެވުނު ތާރީޚު:
19 ފެބްރުއަރީ 2020ނިމުނު ތާރީޚު:
22 ނޮވެމްބަރ 2020މައްސަލަބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޙުސްނުއްސުޢޫދު، ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން، ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްއިސްތިއުނާފު ކުރެވުނު ޤަޟިއްޔާ
ނަންބަރު:
2019/HC-JC/27
ރަޖިސްޓްރީ ކުރެވުނު ތާރީޚު:
03 ޖުލައި 2019ނިންމި ކޯޓު:
ދިވެހިރާއްޖޭގެ ހައިކޯޓު
ނިމުނު ތާރީޚު:
17 ސެޕްޓެމްބަރ 2019
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު (ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި)
ތަޢާރުފު
މި މައްސަލައަކީ އާމިނަތު އަޙްމަދު ގެ މައްޗަށް ޒިނޭކުރުމުގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި އެ ކުށުގެ އުގޫބާތެއްގެ ގޮތުން އާމިނަތު އަޙްމަދު 100 އެތިފަހަރުން ހައްދުޖެހުމާއެކު 1 އަހަރު ދުވަހުގެ މުއްދަތަށް ގޭގައި ބަންދުކުރުމަށް، ކ. ކާށިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 68/H1C/2018 ގަޒިއްޔާއިން ކަނޑައަޅައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-JC/27 ގަޒިއްޔާއިން ތާއީދުކޮށް ނިންމާފައިވާ ނިންމުމަކީ ނިހާއީ ހުކުމެއްކަން ކަށަވަރުކޮށް ދިނުން އެދި ގާނޫނުލްއުގޫބާތުގެ 1205 ވަނަ މާއްދާގެ (ށ) އާ ހަވާލާދީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެކެވެ.
މި މައްސަލަ ބެލުމުގެ އިޚްތިސާސް
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މި މައްސަލައަކީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާ މައްސަލަތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއް ކަމުގައި ނުވާތީވެ، މި މައްސަލައަކީ ސުޕްރީމް ކޯޓުން ބެލިދާނެ މައްސަލައެއްތޯ އާއި އެއް ކަމެއްގައި އެކަކުގެ މައްޗަށް އެކި މަރުހަލާގެ ކޯޓުތަކުގައި އިސްތިއުނާފުގެ އުސޫލުން ނޫންގޮތަކަށް ޝަރީއަތް ހިންގިދާނެތޯ، މި ގަޒިއްޔާގައި ސުޕްރީމް ކޯޓުގައި ބޭއްވުނު ޝަރީއަތުގެ މަޖިލީހުގައި ޕްރޮސިކިއުޝަން އާއި ސުވާލުކުރުމުން، ޕްރޮސިކިއުޝަނުން ބުނެފައިވަނީ، އެގޮތަށް، އެކަކުގެ މައްޗަށް އެއް ކަމެއްގައި އިސްތިއުނާފުގެ އުސޫލުން ނޫންގޮތަކަށް އެހެން ކޯޓެއްގައި މައްސަލަ ބެލިދާނެކަމަށް ނުދެކޭ ކަމަށާއި، ގާނޫނުލްއުގޫބާތުގެ 1205 ވަނަ މާއްދާ އިސްލާހުކުރުމުގެ ފަހުންވެސް އެގޮތަށް އެ ބާވަތުގެ މައްސަލަތައް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މަތީ މަރުހަލާގެ ކޯޓުތަކަށް ހުށަހަޅާފައި ނުވާކަމަށާއި، ނަމަވެސް ގާނޫނުލްއުގޫބާތުގެ 1205 ވަނަ މާއްދާގެ (ށ) އާ ހަވާލާދީ ދަށު ކޯޓުން ނިންމާ އެ ބާވަތުގެ މައްސަލަތައް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މަތީ މަރުހަލާގެ ކޯޓުތަކަށް، ހުށަހަޅަން ފެށީ 8 ނޮވެމްބަރ 2015 ގައި ސުޕްރީމް ކޯޓުން ނެރެފައިވާ ސަރކިއުލަރ (2015/13/SC) އާ ގުޅިގެން އޭގެ ފަހުން ކަމަށެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބެލޭނީ ކޮން މައްސަލަތަކެއްކަން ބަޔާންކޮށްފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކާބެހޭ ގާނޫނުގެ 9، 10، 11، 12 އަދި 13 ވަނަ މާއްދާގައެވެ. އެ މާއްދާތަކުގައި ސުޕްރީމް ކޯޓުގެ އިޚްތިސާސް ބަޔާންކުރުމުގައި ސުޕްރީމް ކޯޓުން ބެލޭނެ މައްސަލަތައް ކަމަށް ކަނޑައަޅާފައިވަނީ އަންނަނިވި ބާވަތުގެ މައްސަލަތަކެވެ.
އެ މައްސަލަތައް ބެލޭނީ ހަމައެކަނި ސުޕްރީމް ކޯޓުންކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ މައްސަލަތައް (ގާނޫނުއަސާސީގެ މ.74، މ.113، މ.258).
ދުސްތޫރީ މައްސަލަތަކުގެ ތެރެއިން އަސްލީ އިޚްތިސާސް ލިބިގެން ސުޕްރީމް ކޯޓުން ބަލާ ދުސްތޫރީ މައްސަލަތައް.
ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާ މައްސަލަތަކުގެ ތެރެއިން ގާނޫނުއަސާސީއާ ނުވަތަ ގާނޫނަކާ ނުވަތަ ގަވާއިދަކާ ޚިލާފުކަމަށް ގަބޫލުކުރެވިގެން އެކަން ފާހަގަކޮށް ކަމުގެ މަސްލަހަތު އޮތް ފަރާތަކުން ކޯޓުތަކާބެހޭ ގާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ސުޕްރީމް ކޯޓަށް ހުށަހަޅާ އިސްތިއުނާފީ މައްސަލަތައް.
ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައަކަށް އެދި ރައްޔިތުންގެ މަޖިލީހުން ހުށަހަޅާ މައްސަލަތައް.
ގާނޫނުއަސާސީގެ 143 (ހ) ގެ ދަށުން ހުށަހަޅާ މައްސަލަތައް.
ސުޕްރީމް ކޯޓަކީ އަދުލުއިންސާފުގެ އެންމެ އިސްފަރާތުގެ ހައިސިއްޔަތުން އޭގެ ޒާތުގައި ސުޕްރީމް ކޯޓަށް ލިބިފައިވާ އިޚްތިސާސްގެ ދަށުން ސުޕްރީމް ކޯޓުން ބަލާ މައްސަލަތައް.
ގާނޫނުއަސާސީއިންނާއި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުން އިސްތިއުނާފީ މައްސަލަ ބެލުމަށް ސުޕްރީމް ކޯޓަށް ދީފައިވާ އިޚްތިސާސްތަކުގެ ތެރޭގައި ދަށުކޯޓުން ނުވަތަ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާ މައްސަލައެއްގައި ގާނޫނުއަސާސީއާ ނުވަތަ ގާނޫނަކާ ނުވަތަ ގަވާއިދަކާ ނުވަތަ ގާނޫނީ އުސޫލަކާ ނުވަތަ އިސްލާމީ ޝަރީޢަތާ ޚިލާފުކަމެއް އޮތްކަމަށް ގަބޫލުކުރެވިގެން އެކަން ފާހަގަކޮށް އިސްތިއުނާފީ އުސޫލުން ހުށަހަޅާ މައްސަލަތައް ފިޔަވައި އެހެން މައްސަލައެއް ބެލުން ހިމެނިފައި ނުވެއެވެ.
ދިވެހިރާއްޖޭގެ ޕީނަލް ކޯޑުގެ 1204 ވަނަ މާއްދާއާއި 1205 ވަނަ މާއްދާ
ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 1204 ވަނަ މާއްދާގެ (ރ) ގައި ބުނެފައިވަނީ ދަށު ކޯޓުން ނިންމާ މައްސަލަތަކުގެ ތެރެއިން ކުށުގެ އަދަބެއްގެ ގޮތުން ކުށްވެރިޔާ މެރުމަށް ކޯޓުން ހުކުމްކޮށްފިނަމަ މަރުގެ ކޮންމެ ހުކުމެއް އޭގެ އަމިއްލަ ޒާތުގައި މަތީ މަރުހަލާގެ ކޯޓުތަކަށް އިސްތިއުނާފުކުރެވޭނެ ކަމަށާއި، އެ ގޮތުން އިސްތިއުނާފުގެ މައްސަލައިގައި އެ ހުކުމުގެ ހުރިހާ ގާނޫނީ ނުކުތާތަކާއި ކަންހިނގާފައިވާ ގޮތް މަތީ މަރުހަލާގެ ކޯޓުތަކުން އަލުން ބަލަންވާނެ ކަމަށެވެ. މި މާއްދާއަކީ ގާނޫނުލްއުގޫބާތު ފުރަތަމައަށް މަޖިލީހުން ފާސްކޮށް އަމަލުކުރަން ފެށިއިރުވެސް ގާނޫނުލްއުގޫބާތުގައި ލިޔެފައި އޮތް މާއްދާއެކެވެ.
ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް 3 ސެޕްޓެމްބަރ 2015 ގައި ގެނެވުނު 3 ވަނަ އިސްލާހުން ގާނޫނުލްއުގޫބާތުގެ 1205 ވަނަ މާއްދާ އިސްލާހުކުރެވުނެވެ.
އިސްލާހުކުރެވުނު 1205 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ:
"މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައަޅާފައިވާ ނުވަތަ ގިސާސް ކަނޑައަޅާފައިވާ ކުށެއް، އިސްލާމީ ޝަރީއަތުގައި ކަނޑައެޅިފައިވާ ގޮތުގެމަތިން އެއްވެސް ޝައްކެއްނެތް މިންވަރަށް މީހެއްގެ މައްޗަށް ސާބިތުވެއްޖެ ނަމަ، އެމީހެއްގެ މައްޗަށް ކަނޑައަޅަންވާނީ އިސްލާމީ ޝަރީއަތުގައިވާ ގޮތުގެމަތިން އެކަމަށް އިސްލާމީ ޝަރީއަތުގައިވާ އަދަބެވެ."
އިސްލާހުކުރެވުނު 1205 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވަނީ:
"އެއްވެސް މީހެއްގެ މައްޗަށް މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަދަބެއް ތަންފީޒުކުރަންވާނީ، އެ މައްސަލައެއްގެ ޝަރީއަތުގެ ހުރިހާ މަރުހަލާއެއް ނިންމުމަށްފަހު ސުޕްރީމް ކޯޓުން އެ އަދަބެއް ދިނުމަށް ހުކުމްކޮށްފިނަމަ ކަމަށެވެ."
ގާނޫނުލްއުގޫބާތުގެ 1204 ވަނަ މާއްދާގެ (ރ) އާއި 1205 ވަނަ މާއްދާގެ (ށ) ގައި އިބާރާތުގެ ބޮޑު ތަފާތެއް އެބައޮތެވެ. ގާނޫނުލްއުގޫބާތުގެ 1204 ވަނަ މާއްދާގެ (ރ) ގެ އިބާރާތުން، ކުށުގެ އަދަބެއްގެ ގޮތުން ކުށްވެރިޔާ މެރުމަށް ދަށު ކޯޓުން ހުކުމްކޮށްފިނަމަ އެ ހުކުމެއް މަތީ މަރުހަލާގެ ކޯޓުތަކުގައި އިސްތިއުނާފުކުރެވެނީ ކަމާއި، އެ މައްސަލައެއް މަތީ މަރުހަލާގެ ކޯޓުތަކަށް އިސްތިއުނާފުކުރެވެނީ ހުކުމުގައި ހިމެނޭ ގާނޫނީ ނުކުތާތަކާއި ވާގިއާތައް އަލުން ބަލައި ކަށަވަރުކުރުމަށްޓަކައި ކަން އެނގެއެވެ. ނަމަވެސް ގާނޫނުލްއުގޫބާތަށް ފަހުން އިތުރުކުރެވުނު 1205 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވަނީ އެއްވެސް މީހެއްގެ މައްޗަށް މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަދަބެއް ތަންފީޒުކުރަންވާނީ، އެ މައްސަލައެއްގެ ޝަރީއަތުގެ ހުރިހާ މަރުހަލާއެއް ނިންމުމަށްފަހު ސުޕްރީމް ކޯޓުން އެ އަދަބެއް ދިނުމަށް ހުކުމްކޮށްފިނަމަ ކަމަށެވެ. ނަމަވެސް، ގާނޫނުލްއުގޫބާތުގެ 1204 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރާ މަރުގެ މައްސަލަތައް ފިޔަވައި، ގާނޫނުލްއުގޫބާތުގެ 1205 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ އެހެން މައްސަލައެއް މީހެއްގެ މައްޗަށް ސާބިތުވެއްޖެ ނަމަ އެ އަދަބެއް ތަންފީޒުކުރުމުގެ ކުރިން ޝަރީއަތުގެ މަތީ މަރުހަލާތަކަށް އެ މައްސަލަ ދަނީ އިސްތިއުނާފުގެ މައްސަލައެއްގެ ގޮތުގައިކަން ނުވަތަ އަދަބު ތަންފީޒުކުރުމުގެ ކުރިން މަތީ މަރުހަލާގެ ކޯޓުތަކުން ބަލަންވީ ކޮންކަމެއްކަން އެ މާއްދާގައި ބުނެފައި ނެތެވެ.
ގާނޫނުލްއުގޫބާތުގެ 1205 ވަނަ މާއްދާގެ (ށ) ގައިވާ އިބާރާތުން ދޭހަވަނީ އެ މާއްދާގެ އެ އަކުރުގެ ބޭނުމަކީ އެ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައްސަލަތަކުގައި ކަނޑައެޅޭ ހައްދާއި ގިސާސްގެ އަދަބު، ދަށު ކޯޓުން މައްސަލަ ނިމުމާއެކު ވަގުތުން ތަންފީޒު ނުކުރެވޭނެ ގޮތަށް އޮތުން ކަމާއި އެ ބާވަތުގެ މައްސަލަތަކުގައި އަދަބު ތަންފީޒުކުރަންވާނީ އެ ގަޒިއްޔާއެއްގެ ހުކުމަކީ ނިހާއީ ހުކުމަކަށްވުމުން ކަމެވެ. އޭގެ ބޭނުމަކީ އެ ބާވަތުގެ މައްސަލަތަކުގައި ހުކުމްކުރުމަށްފަހު އިސްތިއުނާފުކުރުމަށް ދެފަރާތަށް ލިބިގެންވާ މުއްދަތު ހަމަނުވަނީސް އަދަބު ތަންފީޒުކުރެވިއްޖެ ނަމަ އެކަމަކީ އަނބުރާ އިއާދަނުކުރެވޭނޭ ބާވަތުގެ އަދަބެއްކަމަށް ވުމާއެކު އެކަން ހުއްޓުވައި އެފަދަ އަދަބުތައް ޝަރީއަތްކުރި ކޯޓުން ތަންފީޒުކުރަންވާނީ އެ މައްސަލައިގައި ހިމެނޭ ފަރާތްތަކުން އެ މައްސަލައެއް އިސްތިއުނާފުކޮށްފިނަމަ އިސްތިއުނާފުގެ މަރުހަލާތައް އިސްތިއުނާފުކުރުމުގެ އުސޫލުތަކުގެ ތެރެއިން ނިމި އެ ހުކުމަކީ ނިހާއީ ހުކުމަކަށް ވުމެވެ. އަދި އެ މައްސަލައިގައި ޝަރީއަތްކުރި ކޯޓުން ކަނޑައެޅި ހުކުމާމެދު ނުވަތަ އަދަބާމެދު ދެ ފަރާތުންކުރެ ފަރާތަކުން އިސްތިއުނާފުގެ މުއްދަތުގެ ތެރޭގައި އެ މައްސަލަ އިސްތިއުނާފުކުރުމަށް ހުށަނާޅައިފިނަމަ އެ މައްސަލައެއްގެ ހުކުމާއި އެ ގަޒިއްޔާގައި އަދަބެއް ކަނޑައަޅާފައިވާނަމަ އެ އަދަބު ނިހާއީ އަދަބަކަށް ވެގެންދާނެއެވެ. ދެފަރާތުންކުރެ ފަރާތަކުން އެ މައްސަލަ އިސްތިއުނާފުނުކޮށް އެ މައްސަލައިގެ ހުކުމް އާއި އަދަބު ނިހާއީ ހުކުމަކަށާއި އަދަބަކަށް ވެއްޖެނަމަ އެ މައްސަލައިގައި ޝަރީއަތްކުރި ކޯޓުން ނުވަތަ ދައުލަތުގެ ކަމާބެހޭ އިދާރާއިން އެކަމަށްޓަކައި ހަމަޖައްސާފައިވާ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން އެ އަދަބެއް ތަންފީޒުކުރާނީއެވެ. ނަމަވެސް މަރުގެ އަދަބު ކަނޑައެޅޭ ކޮންމެ ހުކުމެއް ޝަރީއަތްކުރާ ކޯޓުން ނިމުމާއެކު މިހާރުވެސް އަމަލުކުރަމުންދާ ގޮތަށް ގާނޫނުލްއުގޫބާތުގެ 1204 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން އެ މައްސަލައެއް އޭގެ ޒާތުގައި އިސްތިއުނާފުކުރުމަށް މަތީ މަރުހަލާގެ ކޯޓަށް ޕްރޮސިކިއުޓަރ ޖެނެރަލް ހުށަހަޅަންވާނެއެވެ.
އެއް މައްސަލައެއްގައި ދެ ފަހަރަށް އެކަކުގެ މައްޗަށް ޝަރީއަތްކުރުން
މައްސަލައެއްގައި މީހެއްގެ މައްޗަށް ޖިނާއީ ދައުވާއެއް އުފުލުމަށްފަހު އެ މައްސަލައިގައި ޝަރީއަތްކޮށް ނިމުމުން މަތީ މަރުހަލާގެ ކޯޓަކުން، އެ މައްސަލައިގައި ދަށު ކޯޓުން ކުރާ ހުކުމުގައި ގާނޫނީ ގޮތުން ކުށެއް ހެދިފައި އޮވެގެން އެ މައްސަލަ އިސްތިއުނާފުގެ ގޮތުން ބަލާ ބެލުން ފިޔަވައި، މީހެއްގެ މައްޗަށް ވަކި ކަމެއްގެ މައްޗަށް ހިންގާފައިވާ ޝަރީއަތެއް ދެވަނަ ފަހަރަށް އެހެން ކޯޓެއްގައި އަލުން ބަލައި ހިންގުމަކީ ޝަރީއަތްކުރުމުގެ އުސޫލުތަކާއި އިންސާނީ ހައްގުތަކުގެ އުސޫލުތަކާ ޚިލާފުކަމެކެވެ. އެހެންކަމުން، ގާނޫނުލްއުގޫބާތުގެ 1205 ވަނަ މާއްދާގެ (ށ) ގައިވާ އިބާރާތުން އެ މާއްދާގައި ބަޔާންކޮށްފައިވާ ބާވަތުގެ މައްސަލަތަކުގައި މަތީ މަރުހަލާގެ ކޯޓުތަކުން އަލުން ފަށައިގެން މައްސަލައިގެ ޝަރީއަތް ހިންގުމަކީ ވެވޭނެ ކަމެއް ކަމަށް ނުވާތީވެ، ގާނޫނުލްއުގޫބާތުގެ 1205 ވަނަ މާއްދާގެ (ށ) ގައިވާ އިބާރާތް މާނަކުރަންވާނީ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ގާނޫނުގެ 4 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އެ މާއްދާ ގާނޫނުލްއުގޫބާތުގައި ހިމަނައި އެ މާއްދާއިން ހައްލުކުރަން ބޭނުންވި މައްސަލަ ހައްލުކުރުމަށްޓަކައި ކަމާއި، އެއަށްވުރެ ފުޅާކޮށް އެ މާއްދާ މާނަ ނުކުރެވޭނެކަން އެނގެއެވެ. ކުރިންވެސް ބަޔާންކުރި ފަދައިން، ގާނޫނުލްއުގޫބާތުގެ 1205 ވަނަ މާއްދާގެ (ށ) އެ ގާނޫނުގައި ހިމަނާފައިވަނީ އެ ބާވަތުގެ މައްސަލަތަކުގައި ހުކުމްކުރުމަށްފަހު އިސްތިއުނާފުކުރުމަށް ދެ ފަރާތަށް ލިބިގެންވާ މުއްދަތު ހަމަނުވަނީސް އަދަބު ތަންފީޒުކުރެވިއްޖެ ނަމަ އެކަމަކީ އަނބުރާ އިއާދަނުކުރެވޭނޭ ބާވަތުގެ އަދަބެއް ކަމަށް ވުމާއެކު އެ ބާވަތުގެ މައްސަލަތަކުގައި އަދަބު ތަންފީޒު ކުރަންވާނީ އެ ހުކުމެއް ނިހާއީ ހުކުމަކަށް ބަދަލުވުމުން ކަމަށް ހަމަޖެއްސުމަށެވެ. އަދި އިސްތިއުނާފުކުރަން ވަގުތު އޮއްވާ އެ ހުކުމުގައި ކަނޑައެޅުނު އަދަބު ވަގުތުން ތަންފީޒުވިޔަ ނުދިނުމަށެވެ. ހުކުމެއް ނިހާއީ ހުކުމަކަށްވާނީ އެ މައްސަލައިގައި ހިމެނޭ ފަރާތްތަކުން އެ މައްސަލައެއް އިސްތިއުނާފުކޮށްފިނަމަ އިސްތިއުނާފުގެ މަރުހަލާތައް އިސްތިއުނާފުކުރުމުގެ އުސޫލުތަކުގެ ތެރެއިން ނިމުމުން ނުވަތަ އެ މައްސަލައިގައި ޝަރީއަތްކުރި ކޯޓުން ކަނޑައެޅި ހުކުމާމެދު ނުވަތަ އަދަބާމެދު ދެފަރާތުންކުރެ ފަރާތަކުން އިސްތިއުނާފުގެ މުއްދަތުގެ ތެރޭގައި އެ މައްސަލަ އިސްތިއުނާފުކުރުމަށް ހުށަނާޅައިފިނަމަ އިސްތިއުނާފުގެ މުއްދަތު ހަމަވުމުންނެވެ.
ގާނޫނުއަސާސީގެ 56 ވަނަ މާއްދާގެ ދަށުން ޖިނާއީ މައްސަލަތަކާއި މަދަނީ މައްސަލަތަކުގައި އިއްވާ ހުކުމްތަކާއި ނެރޭ ކޯޓުގެ އަމުރުތައް އިސްތިއުނާފަށް ހުށަހެޅުމަކީ މައްސަލައާ ގުޅުންހުރި ކޮންމެ މީހަކަށް ލިބިގެންވާ ހައްގެކެވެ. އެހެންކަމުން މިފަދަ މައްސަލަތައް ނިންމުމުގައި ގާނޫނީ މައްސަލައެއް ނުވަތަ އިޖުރާއީ އައިބެއް އޮތްނަމަ މައްސަލައާ ގުޅުން ހުރި ފަރާތްތަކަށް އެ މައްސަލައެއް މަތީ މަރުހަލާގެ ކޯޓުތަކަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން އިސްތިއުނާފުކުރެވޭނެއެވެ.
މަތީގައި ބަޔާންކޮށްފައިވާ ސަބަބުތައް އެހެންހުރުމުން، އާމިނަތު އަޙްމަދުގެ މައްޗަށް ޒިނޭކުރުމުގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި އެ ކުށުގެ އުގޫބާތެއްގެ ގޮތުން އާމިނަތު އަޙްމަދު 100 އެތިފަހަރުން ހައްދުޖެހުމާއެކު 1 އަހަރު ދުވަހުގެ މުއްދަތަށް ގޭގައި ބަންދުކުރުމަށް، ކ. ކާށިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 68/H1C/2018 ގަޒިއްޔާއިން ކަނޑައަޅައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-JC/27 ގަޒިއްޔާއިން ތާއީދުކޮށް ނިންމާފައިވާ ނިންމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކާބެހޭ ގާނޫނުގެ 9 ވަނަ މާއްދާއާ އެއްގޮތަށް ކަމަށް ނުވާތީވެ، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން މި ގަޒިއްޔާގައި ހުށަހަޅާފައިވާ މައްސަލަ އެ ހުށަހަޅާފައިވާ ގޮތަށް ސުޕްރީމް ކޯޓުގައި ހިންގިދާނެ ކަމަށް ނުފެނެއެވެ.
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު12. މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު13.މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، މަތީގައިވާ ބަޔާންކުރެވުނު ސަބަބުތައް އެ ގޮތުގެމަތިން ހުރުމާއެކު، އާމިނަތު އަޙްމަދުގެ މައްޗަށް ޒިނޭކުރުމުގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި އެ ކުށުގެ އުގޫބާތެއްގެ ގޮތުން އާމިނަތު އަޙްމަދު 100 އެތިފަހަރުން ހައްދުޖެހުމާއެކު 1 އަހަރު ދުވަހުގެ މުއްދަތަށް ގޭގައި ބަންދުކުރުމަށް، ކ. ކާށިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 68/H1C/2018 ގަޒިއްޔާއިން ކަނޑައަޅައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-JC/27 ގަޒިއްޔާއިން ތާއީދުކޮށް ނިންމާފައިވާ ނިންމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކާބެހޭ ގާނޫނުގެ 9 ވަނަ މާއްދާއާ އެއްގޮތަށް ކަމަށް ނުވާތީ، މި ގަޒިއްޔާގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ ބެލުމުގެ އިޚްތިސާސް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިގެން ނުވާކަމަށް ކަނޑައަޅައި، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ޙުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ޢަލީ ރަޝީދު ޙުސައިންޙުސްނުއްސުޢޫދުމުޙައްމަދު އިބްރާހީމް(ރިޔާސަތު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.