ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
[2022] SC 34 · 2020/SC-R/90

ޙަސަން ޝާކިރު، ޙައްވާ ޝާކިރާ އަދި އާމިނަތު ޝާކިރާ

ސުޕްރީމް ކޯޓުދަށުކޯޓުގެ ނިންމުން ބާޠިލު
ފަހުގެ ޙުކުމަކުން ތަފާތުކޮށްފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 1 ޖޫން 2022ދަށު ކޯޓު: ސުޕްރީމް ކޯޓު 2015/SC-SJ/07ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
2013/HC-A/342، 105/PCD/69
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
1969 ގައި ޕްރޮޕަޓީ ކްލެއިމްސް ޑިވިޝަނުން ނިންމި ތަރިކައިގެ މައްސަލަ 44 އަހަރު ފަހުން ހުއްދަ ދީ ހައިކޯޓުން ބަލައި ބައެއް ބާޠިލުކޮށް ސިވިލް ކޯޓަށް ތަޙުވީލުކުރިއިރު، ސުޕްރީމް ކޯޓުން ރިޓް އޮފް ޕްރޮހިބިޝަނަކުން އެ ޙުކުމް ބާޠިލުކުރުމުން، އެ ރިޓް މުރާޖަޢާކުރަން އެދުނެވެ.
ވާޤިޢާ
ތަރިކައިގެ މައްސަލައިގައި ނިޔާވި އަންހެން ދަރިއެއްގެ ކުދިންނަށް ލިބުނު ބައި ފައިސާއިން ބަދަލުކޮށް ގޯތި އެހެން ވާރިސަކަށް ހަމަޖައްސައިދިނެވެ. އޭރު ކުޑަކުދިންކަމުގައިވާ ވާރިސުން 2013 ގައި އިސްތިއުނާފުކުރުމުން ހައިކޯޓުން އެ ހަމަޖެއްސުން ބާޠިލުކުރިއެވެ. އޭގެ 7 މަސް ފަހުން، ބަސް ނާހައި، ބެލެނިވެރިކަމުގެ އިޚްތިޞާޞްގެ ދަށުން ސުޕްރީމް ކޯޓުން ރިޓް އޮފް ޕްރޮހިބިޝަން ނެރުނެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ހައިކޯޓުން ނިހާއީ ޙުކުމެއް ކުރިތާ 7 މަހަށްވުރެ ގިނަ ދުވަސްވީ ފަހުން، ޚަޞްމުންގެ ބަސް ނާހައި، ބެލެނިވެރިކަމުގެ އިޚްތިޞާޞްއާ ބެހޭ ގަވާއިދުގެ ދަށުން ނެރުނު ރިޓް އޮފް ޕްރޮހިބިޝަނަކުން އެ ޙުކުމް ބާޠިލުކުރުމަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނާއި އެ ގަވާއިދާ އެއްގޮތަށް ކުރެވިފައިވާ ކަމެއްތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ރިޓް ނެރުނީ ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަނާޅައި، ކޯޓުތަކުގެ ޤާނޫނުގެ 22 ވަނަ މާއްދާއާ ޚިލާފަށްކަމަށާއި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 15 ވަނަ މާއްދާއިން މުއްދަތު ފަހުން ހުއްދަ ދިނުމުގެ ބާރު ލިބޭކަމަށް ހުށަހެޅި ފަރާތްތަކުން ބުންޏެވެ. 44 އަހަރު ފަހުން އިސްތިއުނާފު ބަލައިގަތުމަކީ ބޭއިންސާފުކަމަށާއި، ގޯތި ރަޖިސްޓްރީކޮށް ހިބަކޮށްފައިވާކަމަށް ތަދައްޚުލުވި ފަރާތުން ބުންޏެވެ.
ކޯޓުގެ ސަބަބުތައް
ކޯޓުތަކުގެ ޤާނޫނު ތަޢާރުފުވީ ގަވާއިދަށް 7 މަސް ފަހުންކަމުން، އެ ޤާނޫނުން ގަވާއިދަށް ބާރު ނުލިބޭކަމަށް ކޯޓުން ބުންޏެވެ. ރިޓް އޮފް ޕްރޮހިބިޝަން ނެރެވެނީ ދަށުކޯޓުގައި މައްސަލަ ހިނގަމުންދާއިރުކަމަށާއި، ޚަޞްމާ ޚިލާފަށް އަމުރުކުރުމުގެ ކުރިން އަޑުއަހަންޖެހޭކަމަށާއި، ނިހާއީ ޙުކުމެއް ބަލަންވާނީ އިސްތިއުނާފުގެ ތެރެއިންކަމަށް ކަނޑައަޅައި، އެ ރިޓަކީ އިސްތިއުނާފީ ނިޒާމުން ބޭރުން ނެރުނު އަމުރެއްކަމަށް ކޯޓުން ނިންމިއެވެ.

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-SJ/07 ރިޓް އޮފް ޕްރޮހިބިޝަނަކީ ކަނޑައެޅިގެން ޤާނޫނާ ޚިލާފު، ޢަމަލުކުރަމުންދާ އިޖުރާއަތުތަކާއި ޤާނޫނީ އުޞޫލުތައް އެއްކިބާކޮށް، ބެލެނިވެރިކަމުގެ އިޚްތިޞާޞްއާ ބެހޭ ގަވާއިދާވެސް ޚިލާފަށް ނެރެފައިވާ އަމުރެއްކަމަށް ކަނޑައަޅައި، އެ ނިންމުން ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލުކުރެވުނެވެ. އަދި ހައިކޯޓުގެ ނަންބަރު 2013/HC-A/342 ޤަޟިއްޔާ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު، ޙުކުމްކުރި ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި މަޞްލަޙަތު އޮތް ކޮންމެ ފަރާތަކަށް ލިބިގެންވާކަމަށް ކަނޑައެޅުނެވެ.

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ދަށުން، ދަށު މަރުހަލާ ކޯޓަކުން ނިންމާ ނިންމުމަކީ ޤާނޫނީ އުސޫލަކާ ޚިލާފަށް ނިންމާ ނިންމުމެއްކަމަށް ދެކޭނަމަ، އެކަން ހައިކޯޓުގައި އިސްތިއުނާފުކުރުމުގެ ފުރުސަތު މައްސަލައިގެ ދެފަރާތަށްވެސް ލިބިގެންވެއެވެ. ހަމަ އެފަދައިން، ހައިކޯޓު މަރުހަލާގައިވެސް ނިންމާ ނިންމުންތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުގެ ފުރުސަތު މައްސަލައިގެ ދެފަރާތަށް އޮވެއެވެ.

HN2 ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް ޢަމަލުކުރަން ފަށާފައިވަނީ ބެލެނިވެރިކަމުގެ އިޚްތިޞާޞްއާ ބެހޭ ގަވާއިދު ޢާންމު ކުރިތާ 7 (ހަތެއް) މަސް ފަހުން ކަމަށްވާތީ އެ ޤާނޫނުން ބެލެނިވެރިކަމުގެ އިޚްތިޞާޞްއާ ބެހޭ ގަވާއިދަށް ބާރު ލިބިފައިވާ ކަމަށް ނުބެލެވެއެވެ.

HN3 ބެލެނިވެރިކަމުގެ އިޚްތިޞާޞްއާ ބެހޭ ގަވާއިދުގެ ޖަދުވަލު 4 ގައި ބަޔާންވެގެންވާ ރިޓް އޮފް ޕްރޮހިބިޝަނަކީ، ދަށު މަރުހަލާގެ ކޯޓަކުން ބަލަމުންދާ މައްސަލައަކީ އެ ކޯޓުގެ އިޚްތިޞާޞް ނެތް މައްސަލައަކަށްވާނަމަ، ނުވަތަ މައްސަލައެއް ބެލުމުގެ ތެރޭގައި، އެ ކޯޓެއްގެ އިޚްތިޞާޞްއިން ބޭރުވެއްޖެނަމަ، އެ މައްސަލައިގައި އިތުރު ފިޔަވަޅެއް އެކޯޓަކުން ނޭޅުމަށް އަންގާ ރިޓެކެވެ. ރިޓް އޮފް ޕްރޮހިބިޝަން ނެރެވެނީ މައްސަލަ ދަށު ކޯޓުގައި ހިނގަމުން ދާއިރުއެވެ.

HN4 ބެލެނިވެރިކަމުގެ އިޚްތިޞާޞްގެ ދަށުން ޚަޞްމަކާ ޚިލާފަށް އަމުރެއް ނެރެން ޖެހިއްޖެ ކަމަށް ބެލެނިވެރިކަމުގެ އިޚްތިޞާޞް ހިނގި ކޯޓަށް ފެނިއްޖެނަމަ، އެ ޚަޞްމެއްގެ ފަރާތުން އެ މައްސަލައިގައި ބުނާ އެއްޗެއް ބެލުމަށް އަޑުއެހުން ބާއްވަންވާނެއެވެ.

HN5 ފައިޞަލާ ކުރަނިވި ޙުކުމެއް އިއްވާފައިވާ ޤަޟިއްޔާއެއްނަމަ އެ މައްސަލައެއް މަތީ މަރުޙަލާގެ ކޯޓަކުން ބަލަންވާނީ އެ މައްސަލައެއް އިސްތިއުނާފު ކުރުމަށް ހުށަހެޅުމުންނެވެ. އިސްތިއުނާފަށް މައްސަލަ ހުށަހެޅިފައި އޮއްވައި، އިސްތިއުނާފަށް ހުށަހެޅުނު މައްސަލަ ބަލައި ނުގަނެ، އެ މައްސަލަ ބޭރުކޮށްލުމަށްފަހު، ކޯޓުން ނެރޭ އަމުރަކުން ނިހާއީ ޙުކުމެއް ބާޠިލުކޮށްލުމަކީ ކޯޓުތަކުގެ ޤާނޫނުން ޤާއިމްކޮށްފައިވާ އިސްތިއުނާފީ ނިޒާމާ މުޅިން ޚިލާފު، ކަނޑައެޅިގެން ޤާނޫނު އެއްފަރާތްކޮށް ނިޒާމުން ބޭރުން ކުރެވޭ ކަމެކެވެ.

HN6 ރިޓް އޮފް ޕްރޮހިބިޝަނެއް ބާޠިލު ވުމުގެ ނަތީޖާއަކީ، އެ ރިޓުން ބާޠިލުކުރި ހައިކޯޓުގެ ނިންމުމަށް އަލުން ދިރުންލިބި، އެ ނިންމުން ތަންފީޒުވުމުގެ މަގު ފަހިވެގެންދިއުމެވެ. މިކަމުގައި މަޞްލަޙަތު އޮތް ކޮންމެ ފަރާތަކަށް ހައިކޯޓުގެ އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބިދެވެން ޖެހެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
ނަދީމް އިބްރާހީމް، މުޙައްމަދު ނިޠާމް، ޝަފީޤުމަސްތޫރު އެލް.އެލް.ޕީ
ޖަވާބުދާރީވި ފަރާތުގެ ވަކީލުން
އަޙްމަދު މުޢިއްޒު، މުޢިއްޒު އެންޑް ކޯ އެލް.އެލް.ޕީ
ބެންޗު
ޢަލީ ރަޝީދު ޙުސައިން (ރިޔާސަތު)، ޢާއިޝާ ޝުޖޫން މުޙައްމަދު، މަޙާޒު ޢަލީ ޒާހިރު
ރިޔާސަތު
ޢަލީ ރަޝީދު ޙުސައިން
ރައުޔު ލިޔުނު ފަނޑިޔާރު
ޢަލީ ރަޝީދު ޙުސައިން · ތާއީދުކުރެއްވީ: ޢާއިޝާ ޝުޖޫން މުޙައްމަދު، މަޙާޒު ޢަލީ ޒާހިރު
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ޙަސަން ޝާކިރު އަދި އިތުރު 2 ފަރާތެއް

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ތާއީދު ކުރައްވާފައި)

ތަޢާރުފު

1މިއީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-SJ/07 (28 ޖޫން 2015) ރިޓް އޮފް ޕްރޮހިބޮޝަން އިން ހައިކޯޓުގެ ނަންބަރު 2013/HC-A/342 ޤަޟިއްޔާގެ ޙުކުމް ބާޠިލުކޮށް، އެ ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަކީ ޤާނޫނީ ގޮތުން ތަންފީޛީ ބާރު ލިބިގެންނުވާ ޙުކުމެއްކަމަށް ކަނޑައަޅާފައިވާ ކަނޑައެޅުމަކީ ޤާނޫނާ ޤަވާޢިދާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ނޫންކަމަށް ބުނެ، ސުޕްރީމް ކޯޓުގެ އެ ނިންމުން އަލުން ބަލައިދިނުމަށް އެދި، ހ .ޓްވައިލައިޓްރެވަރީ، މާލެ، ޙަސަން ޝާކިރު (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A131094) އާއިހ. ޓްވައިލައިޓްރެވަރީ، މާލެ، ޙައްވާ ޝާކިރާ (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A084105) އާއި ހ. ޓްވައިލައިޓްރެވަރީ، މާލެ، އާމިނަތު ޝާކިރާ (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A068025) (މީގެ ފަހުން މައްސަލަ ހުށަހެޅި ފަރާތްތައް ކަމަށް ބުނެފައިވާ) ފަރާތްތަކުން ހުށަހެޅުމުން ބެލުނު މައްސަލައެކެވެ.

2މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ ހުށަހެޅުން ރައްދުވާ ފަރާތެއް ނެތްގޮތަށް ނަމަވެސް، ރިވިއުކުރުމަށް އެދި ހުށަހަޅާފައިވާ އަމުރު ނިސްބަތްވާ މައްސަލަ ކަމުގައިވާ ހައިކޯޓުގެ ނަންބަރު 2013/HC-A/342 ޤަޟިއްޔާއިން ބެލުނު މައްސަލަ ހައިކޯޓުގައި ހިންގާފައިވަނީ ރައްދުވާ ދެ ފަރާތްތަކެއް ހުރެގެން އެ ދެ ފަރާތުގެ ޙާޟިރުގައިކަން އެނގެން އޮތުމުން، މިމައްސަލައިގައި އެފަރާތްތަކުގެ މަޞްލަޙަތު އޮންނާނެ ކަމަށް ބެލެވޭތީ، ސުޕްރީމް ކޯޓުގެ އަމިއްލަ އިސްނެގުމަށް އެ ދެ ފަރާތް ތަދައްޚުލު ކުރުވުމަށް ނިންމާފައިވެއެވެ. އެ ދެފަރާތަކީ ގ. އަންބަރީގެ، މާލެ، ޙުސައިން ޝާކިރު (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A053867) އާއި، ގ.ސެޕްރަން، މާލެ، އިބްރާހިމް ޝާކިރު (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A049306) އެވެ. އިބްރާހިމް ޝާކިރު ބުނެފައިވަނީ މިމައްސަލައިގައި ހިނެމޭ އޭނާގެ ޙައްޤު އޭނާވަނީ ޙުސައިން ޝާކިރުއަށް ދީފައި ކަމަށާއި، އޭނާގެ މަޞްލަޙަތެއް މިމައްސަލައިގައި މިހާރު ނެތުމުން މި މައްސަލައަށް ތަދައްޚުލު ވުމަކީ އޭނާ ބޭނުންވާ ކަމެއް ނޫންކަމަށެވެ. މިގޮތުން މައްސަލައަށް ތަދައްޚުލު ކުރުވާފައިވަނީ ޙުސައިން ޝާކިރު (މީގެ ފަހުން "ޙުސައިން ޝާކިރު" ނުވަތަ "ތަދައްޚުލް ކޮށްފައިވާ ފަރާތް" ކަމަށް ބުނެފައިވާ ފަރާތް) އެކަންޏެވެ.

ޕްރޮޕަޓީ ކްލެއިމްސް ޑިވިޝަނުން ނިންމި ތަރިކައިގެ މައްސަލަ

3އަލްމަރުހޫމް ދޮންމުދިމު ކަލޭފާނާއި އަލްމަރްހޫމާ އާމިނާފުޅާއި ދެމީހުނަށް ލިބުނު ކުދިންގެ ތެރެއިން ދޮންމުދިމު ކަލޭފާނު ނިޔާވިއިރު ދުނިޔޭގައި ތިބީ 3 ކުދިންނެވެ. އެއީ އިބްރާހިމް ޝާކިރުއާއި، ޙުސައިން ޝާކިރުއާއި މަރިޔަމް ޝާކިރާއެވެ. މަރިޔަމް ޝާކިރާ ކައިވެނި ކުރީ ހަސަން ހުއްތު ކުޑަތުއްތުއާއެވެ. އެކައިވެންޏަށް ލިބުނު ކުދިންގެ ތެރެއިން ދުނިޔޭގައި ތިބީ މިކޯޓަށް މި މައްސަލަ ހުށަހެޅި ތިން މީހުން ކަމުގައިވާ އާމިނަތު ޝާކިރާ އާއި، ޙައްވާ ޝާކިރާ އާއި ޙަސަން ޝާކިރުއެވެ. މި ތިން މީހުންނަކީ މި މައްސަލައަށް ތަދައްޚުލު ކުރުވާފައިވާ ޙުސައިން ޝާކިރަށް ބޮޑުބޭބެ ކިޔާ ތިން މީހުންނެވެ.

4އަލްމަރުޙޫމް ދޮންމުދިމު ކަލޭގެފާނު ނިޔާވުމާ ގުޅިގެން އޭނާގެ ތަރިކައިގައިވާ ގެ އާއި ދެން ވެސް ހުރި ތަކެތި ބަހައިދިނުމަށް އެދި، އޭނާގެ ފިރިހެން ދަރި އިބްރާހީމް ޝާކިރު މިނިސްޓްރީ އޮފް ޖަސްޓިސްގެ ޕްރޮޕަޓީ ކްލެއިމްސް ޑިވިޝަންއަށް ހުށަހެޅިއެވެ. އެ މައްސަލަ ބަލާފައިވަނީ ޕްރޮޕަޓީ ކްލެއިމްސް ޑިވިޝަންގެ ނަންބަރު 105/PCD/69 ޤަޟިއްޔާއިންނެވެ. އެ މައްސަލަ ކޯޓަށް ހުށަހެޅިއިރު މަރިޔަމް ޝާކިރާ ވަނީ ނިޔާވެފައެވެ. މައްސަލަ ކޯޓުން ނިންމާފައިވަނީ 22 ޖޫން 1969 ގައެވެ.

5ޕްރޮޕަޓީ ކްލެއިމްސް ޑިވިޝަންގެ ނަންބަރު 105/PCD/69 ޤަޟިއްޔާއިން ނިންމާފައިވަނީ އަލްމަރުޙޫމް ދޮންމުދިމު ކަލޭފާނުގެ ތަރިކަ 24 ބަޔަށް ބައިކޮށް، އޭނާގެ އަނބި އާމިނާފުޅަށް 3 ބައި، އިބްރާހިމް ޝާކިރުގެ ބައި ޙުސައިން ޝާކިރުއަށް ހަދިޔާ ކޮށްފައިވާތީ އިބްރާހީމް ޝާކިރު ގެ 7 ބަޔާއެކު ޙުސައިން ޝާކިރުއަށް 14 ބައި، އަދި އަލްމަރުޙޫމް ދޮންމުދިމުގެ ނިޔާވެފައިވާ އަންހެން ދަރި ކަމުގައިވާ މަރިޔަމް ޝާކިރާގެ ކުދިން ކަމުގައިވާ ޙަސަން ޝާކިރު އާއި، ޙައްވާ ޝާކިރާ އާއި، އާމިނަތު ޝާކިރާއާ ތިން މީހުންނަށް 7 ބައި ލިބިގެންވާ ކަމަށެވެ. އަދި، އާމިނާފުޅުގެ 3 ބައި މަރިޔަމް ޝާކިރާގެ ކުދިންނަށް ހަދިޔާކުރުމުން، ހަދިޔާގެ ގޮތުގައި ލިބުނު ބަޔާއެކު މަރިޔަމް ޝާކިރާގެ ކުދިންނަށް ލިބުނު ޖުމުލަ 10 ބައި އަގުމަގުކޮށް، އޭގެ އަގު ކަމުގައިވާ 221/87ރ. (ދުއިސައްތަ އެކާވީސް ރުފިޔާ އަށްޑިހަ ހަތް ލާރި)، އެ ކުދިންގެ ބައްޕަ ޙަސަން ހުއްތު ކުޑަތުއްތުއާ ޙަވާލުކުރުމަށް އެ ޑިވިޝަންގެ އެކައުންޓަށް ޖަމާކުރުމަށް ޙުސައިން ޝާކިރުއަށް އަންގައި، ދޮންމުދިމު ކަލޭފާނުގެ ތަރިކައިގައި ހިމެނޭ ގ.އަންބަރީގެ، ޙުސައިން ޝާކިރުއަށް ހަމަޖައްސައި، މި ގޮތުގެމަތިން ޙުކުމް ކޮށްފައިވެއެވެ. މިނިސްޓްރީ އޮފް ޖަސްޓިސް / ޕްރޮޕަޓީ ކްލެއިމްސް ޑިވިޝަން އިން މައްސަލަ ނިމުނުތާ 44 (ސާޅީސް ހަތަރެއް) އަހަރު ފަހުން އެ މައްސަލަ އިސްތިއުނާފު ކުރުމުގެ ހުއްދަޔަށް އެދި، ޙަސަން ޝާކިރު އާއި، ޙައްވާ ޝާކިރާ އަދި އާމިނަތު ޝާކިރާގެ ފަރާތުން 12 އޮގަސްޓް 2013 ގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިއެވެ.

ހައިކޯޓުން މައްސަލަ ނިންމި ގޮތް

6މިނިސްޓްރީ އޮފް ޖަސްޓިސް / ޕްރޮޕަޓީ ކްލެއިމްސް ޑިވިޝަންގެ ނަންބަރު 105/PCD/69 ޤަޟިއްޔާގެ ނިންމުން އިސްތިއުނާފު ކުރުމަށް ޙަސަން ޝާކިރު، ޙައްވާ ޝާކިރާ އަދި އާމިނަތު ޝާކިރާގެ ފަރާތުން ހުށަހެޅުމުން އެ މައްސަލަ ބަލާފައިވަނީ ހައިކޯޓުގެ ނަންބަރު2013/HC-A/342 ޤަޟިއްޔާއިންނެވެ.

7މި މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވަނީ ހައިކޯޓު ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) ގެ ދަށުންކަމަށާއި، އިސްތިއުނާފުކުރުމަށް ހުށަހެޅި ފަރާތްތަކަކީ އިސްތިއުނާފު ކުރުމަށް އޮތް މުއްދަތުގެ ތެރޭގައި އަމިއްލަ ބާރު ނުފޯރާ މަޤުބޫލު ސަބަބެއް އޮވެގެން އިސްތިއުނާފު ނުކޮށްތިބި ފަރާތްތަކެއް ކަމަށް މައްސަލަ ބެލި ހައިކޯޓުގެ ފަނޑިޔާރުންގެ އަޣްލަބިއްޔަތަށް ފެންނާތީ، އިސްތިއުނާފު ކުރުމަށް ހުއްދަދީ މައްސަލަ ބަލައިގަނެފައިވެއެވެ.

8ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކޮށްފައި ވަނީ ޕްރޮޕަޓީ ކްލެއިމްސް ޑިވިޝަންގެ ނަންބަރު 105/PCD/69 ޤަޟިއްޔާގެ ޙުކުމުގައި އިބްރާހީމް ޝާކިރުއަށް ލިބުނު ބައި ޙުސައިން ޝާކިރުއަށް ހަދިޔާއިން ދިން ދިނުމާއި، އާމިނާފުޅަށް ލިބުނު ބައި މަރްޔަމް ޝާކިރާގެ ކުދިންކަމުގައިވާ ޙަސަން ޝާކިރު، ޙައްވާ ޝާކިރާ، އަދި އާމިނަތު ޝާކިރާއަށް، ދިން ދިނުމަކީ ޞައްޙަ ދިނުމެއް ކަމަށް ކަނޑައަޅައި، ގ. އަންބަރީގެ އެވެ ކިޔާ ގޯތިން ޙަސަން ޝާކިރު، ޙައްވާ ޝާކިރާ އަދި އާމިނަތު ޝާކިރާއަށް ލިބުނު ބަޔަށްވާ 221/87ރ. (ދުއިސައްތަ އެކާވީސް ރުފިޔާ އަށްޑިހަ ހަތް ލާރި) ޙުސައިން ޝާކިރުގެ އަތުން ނެގުމަށް ކަނޑައަޅައި، ގ. އަންބަރީގެ އަކީ ޙުސައިން ޝާކިރުގެ އަމިއްލަ މިލްކެއް ކަމަށް ކަނޑައެޅި ބައި، ހައިކޯޓުގައި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލްކުރާ ކަމަށެވެ.

9މީގެ އިތުރުން، ގ. އަންބަރީގެ އެވެ ކިޔާ ގޯތިން ޙުސައިން ޝާކިރު، ޙައްވާ ޝާކިރާ، އަދި އާމިނަތު ޝާކިރާއަށް ލިބޭނެ މިންވަރު ކަނޑައެޅުމަށާއި، އަދި އެ ފަރާތްތަކަށް ލިބޭ ބައިގައި އެހެން ތިންވަނަ ފަރާތެއްގެ ޙައްޤެއް ވާނަމަ، އެ މައްސަލައިގައި ގޮތެއް ކަނޑައެޅުމުގައި އެ ހައްޤަށް ރިޢާޔަތްކޮށް ގޮތެއް ކަނޑައެޅުމަށް އެ މައްސަލަ ހައިކޯޓުން ސިވިލް ކޯޓަށް ތަޙްވީލުކޮށްފައިވެއެވެ.

10ހައިކޯޓުން މައްސަލަ ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްގެންކަން، އެ މައްސަލައިގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެއެވެ.

ތަރިކައިގެ މައްސަލަ 1969 ގައި ދަށު ކޯޓުގައި ހިނގިއިރު، އާމިނަތު ޝާކިރާ އާއި، ޙައްވާ ޝާކިރާ އާއި، ޙަސަން ޝާކިރުއަކީ މައްސަލަ ނިމިގެން ދިޔައިރުވެސް ތަޞައްރުފު ނުފުދޭ ކުޑަކުދިންކަމާއި، އެކުދިންގެ ބަލަދުވެރިއެއްގެ ގޮތުގައި އެއިރު ހުރީ އެ ކުދިންގެ ބައްޕަ ޙަސަން ހުއްތު ކުޑަ ތުއްތު ކަމާއި، ނަމަވެސް، އާމިނާފުޅަށް ހިބައިން ލިބުނު ބައި އެ ކުދިންގެ ފަރާތުން އެ ކުދިންގެ ބައްޕަ ޙަސަން ހުއްތު ކުޑަ ތުއްތު ޤަބޫލުކުރިކަން އެނގޭނެ ފަދަ ބަޔާނެއް ނެތްކަމަށާއި، އަދި ގ.އަންބަރީގެއެވެ ކިޔާ ގޯތިން އެކުދިންނަށް ލިބުނު ބަޔަށް، ފައިސާ އިން ބަދަލު ހޯދުމަށް އެކުދިންގެ ފަރާތުން ޙަސަން ހުއްތު ކުޑަ ތުއްތު އެދިފައިވާކަން އެނގޭނެ ފަދަ ބަޔާނެއްވެސް މައްސަލައާ ގުޅިގެން ހުށަހަޅާފައިވާ ޝަރީޢަތް ނިމުގޮތުން ރިޕޯޓުން ފެންނަން ނެތްކަން.

ތަޞައްރުފު ނުފުދޭ ކުޑަކުދިންގެ މުދަލާއިމެދު ނިންމުންތައް ނިންމުމުގެ ބާރު އެކުދިންގެ ބަލަދުވެރިޔާއަށް ލިބިދީފައި ވީނަމަވެސް، ބަލަދުވެރިޔާއަށް ޝަރުޢީ ގޮތުން އެ ބާރު ލިބިދެނީ ހަމައެކަނި އެކުދިންގެ މަޞްލަޙަތުގައި ފައިދާހުރި ގޮތަށް ކަންކަން ނިންމުމަށްކަމާއި، އެކުދިންގެ ޙައްޤުތަކަށް އުނިކަމެއް އަންނަފަދަ ގޮތަކަށް ނުވަތަ ގެއްލުންވާ ފަދަ ގޮތަކަށް ތަސައްރުފު ކުރުމުގެ ބާރު ކުޑަކުދިންގެ ބަލަދުވެރިޔާއަށް ލިބިގެންނުވާކަމީ އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައި އޮންނަ ޢާންމު އުޞޫލުކަމާއި، ބާލިޣުނުވާ ކުޑަކުއްޖާއަށް ފައިދާވާގޮތަށް ކުރެވޭ މުޢާމަލާތްތައް ފަދަ ހަދިޔާއިން ނުވަތަ ވަޞިއްޔަތުން ލިބިގަތުންފަދަ މުޢާމަލާތްތަކަކީ ކުޑަކުއްޖާގެ ބަލަދުވެރިޔާގެ ހުއްދައާ ނުލައިވެސް ޞައްޙަ މުޢާމަލާތްތަކެއް ކަމާއި، އަދިހަމަ އެބީދައިން ކުޑަ ކުއްޖާގެ މިލްކިއްޔާތުން އެއްޗެއް އުނިވެ، ބަދަލުގައި އެއްޗެއް ނުލިބޭގޮތަށް ކުޑަކުއްޖާއަށް މުޅިން ގެއްލުން ލިބޭ ފަދައިން ކުރެވޭ މުޢާމަލާތްތަކަކީ ބަލަދުވެރިޔާގެ ހުއްދައާ އެކުގައިވެސް ބަލައިގަނެވޭނެ މުޢާމަލާތްތަކެއް ނޫންކަން.

ގ.އަންބަރީ ގޭގައި ހުރި ޢިމާރާތަކީ ދޮންމުދިމު ކަލޭފާނުގެ ތަކެތިން އޭނާ އަމިއްލައަށްއަޅާފައިވާ ގެއެއްކަން ދަށު ކޯޓުގެ ޝަރީޢަތަށް ސާބިތުވެފައިވާއިރު، އިބްރާހީމް ޝާކިރު އާއި ޙުސައިން ޝާކިރު ފިޔަވައި، އެ މައްސަލައިގައި ދެންތިބި ވާރިސުންގެ ބަހެއް ނެތި ގ.އަންބަރީގެ އެވެ ކިޔާ ގޯތީގައިވާ ޢިމާރާތް ޙުސައިން ޝާކިރުއަށް ހަމަޖައްސާދީފައި ވަނީ ޝަރުޢީ އުޞޫލުތަކާއި ޚިލާފަށްކަމާއި، މަރްޙޫމް ދޮންމުދިމު ކަލޭފާނުގެ ތަރިކައިން ލިބުމަށް އިބްރާހީމް ޝާކިރުއާއި ޙުސައިން ޝާކިރުގެ އިތުރުން، އަލްމަރްޙޫމާ މަރިޔަމް ޝާކިރާ އާއި އާމިނާފުޅު ތިބިކަމާއި، މި ދެ ފަރާތަށް ލިބުނު ޙައްޤު މަރްޙޫމާ މަރިޔަމް ޝާކިރާގެ ތިން ދަރިންނަށް ލިބިފައިވާއިރު، ގ.އަންބަރީގެ އެވެ ކިޔާ ގޯތިން މި ތިން ކުދިންނަށް ޙައްޤުތަކެއް އުފަންވެފައިވާ ހިނދު، މި ތިން ކުދިންގެ ބަހެއްނެތި، މި ކުދިންނަށް ގެއްލުންވާނޭ ފަދައިން، ބެހެނިވެރިންގެ ތެރެއިން އިބްރާހީމް ޝާކިރުގެ އެދުމުގެ މަތިން، ޙުސައިން ޝާކިރަށް އެ ގޯތީގައި ހުރި ޢިމާރާތް ހަމަޖައްސަވާފައި ވަނީ އިބްރާހީމް ޝާކިރުގެ މިލްކުގައިނުވާ މުދަލަކުންކަމާއި، ގޭގެ ޢިމާރާތް ޙުސައިން ޝާކިރުއަށް ހަމަޖައްސައި ދެއްވުމަށް އިބްރާހީމް ޝާކިރު އެދިފައިވާއިރު، އެފަދައިން އެދޭނަމަ އެންމެ ފުރަތަމަ އެ ޢިމާރާތަކީ އެހެން މީހެއްގެ ޙައްޤު އެ ޢިމާރާތުގައި ނުހިމެނޭ، ހަމައެކަނި އިބްރާހީމް ޝާކިރުގެ މިލްކެއްކަމުގައި އެ ޢިމާރާތްވުން ލާޒިމްވާކަމާއި، ގޭގެ ޢިމާރާތް ހަމައެކަނި ޙުސައިން ޝާކިރުއަށް ވާ ގޮތަށް ހަމަޖެއްސޭނީ ޢިމާރާތުގައި އެބައެއްގެ ޙައްޤެއް ސާބިތުވެފައިވާ އާމިނަތު ޝާކިރާ އާއި ޙައްވާ ޝާކިރާ އާއި ޙަސަން ޝާކިރުގެ ހުއްދައާ އެކުގައިކަމާއި، އަދި އެފަދަ ހުއްދައެއް އެފަރާތްތަކުން ނުވަތަ ބަދަލުގައި ބަލަދުވެރިޔާގެ ހައިޞިއްޔަތުންވެސް ދީފައިވާކަން އެނގެން ނެތްކަން.

ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-SJ/07 ރިޓް އޮފް ޕްރޮހިބިޝަން

11ހައިކޯޓުގެ ނަންބަރު 2013/HC-A/372 ޤަޟިއްޔާއާއި ގުޅިގެން 28 ޖޫން 2015 ގައި ސުޕްރީމް ކޯޓުގެ ރިޓް އޮފް ޕްރޮހިބިޝަން ނެރެފައިވެއެވެ. މި ރިޓް އޮފް ޕްރޮހިބިޝަންގައި ހައިކޯޓަށް އިސްތިއުނާފު ކުރުމަށް ހުށަހެޅުމަށް ކަނޑައެޅިފައިވާ މުއްދަތު ފާއިތުވުމަށްފަހު، ކަނޑައެޅި ނިޔާގެ ބާރު ލިބިފައިވާ މިނިސްޓްރީ އޮފް ޖަސްޓިސް / ޕްރޮޕަޓީ ކްލެއިމްސް ޑިވިޝަން ނަންބަރު 105/PCD/69 ޤަޟިއްޔާއާ ގުޅިގެން ހުށަހެޅުނު އިސްތިއުނާފު ހައިކޯޓުން ބަލައިގަނެ ކުރިއަށް ގެންގޮސްފައިވަނީ އެ ޤަޟިއްޔާއާ ގުޅިގެން އިސްތިޤްރާރުވެފައިވާ ޙައްޤުތަކަށް އުނިކަން ލިބޭ ގޮތަށް، ހަމަޖެހި ޢަމަލުކުރަމުންދާ ޤާނޫނީ އަދި އިޖުރާއީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ، ނިޒާމް ރައްކާތެރިކުރުމަށް، ޤާނޫނުއަސާސީގެ 141 ވަނަ މާއްދާ އާއި، 144 ވަނަ މާއްދާ އާއި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 22 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް، ހައިކޯޓުގެ ނަންބަރު 2013/HC-A/342 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ޢަމަލުކޮށްފައިވާ އެންމެހައި އިޖުރާއަތުތަކަކީ ބާޠިލު އިޖުރާއަތެއް ކަމަށް ކަނޑައަޅައި، އެ ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަކީ ޤާނޫނީގޮތުން ތަންފީޒީ ބާރު ލިބިގެން ނުވާ ޙުކުމެއް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވެއެވެ.

ރިޓް އޮފް ޕްރޮހިބިޝަން އަލުން ބަލައި ދިނުމަށް އެދި ހުށަހެޅުން

12ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-SJ/07 ރިޓް އޮފް ޕްރޮހިބިޝަން އިން ނިންމާފައިވާ ނިންމުން އަލުން ބަލައި ދިނުމަށްޓަކައި ޙަސަން ޝާކިރު އާއި، އާމިނަތު ޝާކިރާ އާއި ޙައްވާ ޝާކިރާގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މި މައްސަލަ ހުށަހެޅިއެވެ. އެގޮތުން، ރިޓް އޮފް ޕްރޮހިބިޝަންގެ ނިންމުން މުރާޖަޢާ ކޮށްދިނުމަށް އެފަރާތްތަކުން އެދެނީ ދެ ސަބަބަކާހުރެއެވެ.

ފުރަތަމަ ސަބަބަކީ: ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-SJ/07 ރިޓް އޮފް ޕްރޮހިބިޝަން ނެރެފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ގެ 22 ވަނަ މާއްދާގެ (ހ) އާ ޚިލާފަށްކަމަށާއި، އެ މާއްދާގެ ދަށުން ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ނުވަތަ ކަމަކާ ގުޅިގެން ޤާނޫނާއި ސުޕްރީމް ކޯޓުގެ ޤަވާޢިދުގެ ދަށުން ކުރަންޖެހޭ އެންމެހައި އަމުރުތައް ކުރުމާއި އަދި އެފަދަ މައްސަލަތަކާ ގުޅިގެން ޢަދުލު އިންޞާފު ޤާއިމުކޮށް ދެމެހެއްޓުމަށްޓަކައި އަދި ޢަދުލު އިންޞާފުގެ ނިޒާމުގެ އިތުބާރު ދެމެހެއްޓުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިގެންވާކަމާއި، ނަމަވެސް މި ރިޓް އޮފް ޕްރޮހިބިޝަންއަށް ޤާނޫނީ ބާރު ލިބިގެންވާނީ ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ނުވަތަ ކަމަކާ ގުޅޭގޮތުން ނެރެފައިވާ ރިޓް އޮފް ޕްރޮހިބިޝަންއަކަށް ވާނަމަކަމަށާއި، މި ރިޓް އޮފް ޕްރޮހިބިޝަންއަކީ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމެއްނެތި ނެރެފައިވާ ރިޓް އޮފް ޕްރޮހިބިޝަންއެއްކަމަށް ބުނެ ހުށަހެޅި ސަބަބެވެ.

ދެވަނަ ސަބަބަކީ: ހައިކޯޓުގެ ނަންބަރު 2013/HC-A/342 ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓަށް ބަލައިގަނެ، ހިންގާފައިވަނީ ހަމަޖެހި ޢަމަލުކުރަމުންދާ ޤާނޫނީ އަދި އިޖުރާއީ އުޞޫލުތަކާއި ދިވެހިރާއްޖޭގެ ނިޒާމް ޢާންމާ ޚިލާފަށް ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-SJ/07 ރިޓް އޮފް ޕްރޮހިބިޝަނުން ކަނޑައަޅާފައި ވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 15 ވަނަ މާއްދާ އާއި ސުޕްރީމް ކޯޓުގެ ގަވާއިދުގެ 40 ވަނަ މާއްދާގައި ބަޔާންކުރާ އުސޫލާ ޚިލާފަށްކަމާއި، އެގޮތުން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ގެ 15 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވަނީ އަމިއްލަ ބާރު ނުފޯރާފަދަ ކަމެއް މެދުވެރިވެގެން މި މާއްދާގެ (ހ) ގައި ބަޔާންކުރާ މުއްދަތުގައި ހުށަނޭޅޭ މައްސަލަތައް، އެ މައްސަލައެއް ހުށަނޭޅުނުކަމަށް ބުނާ ސަބަބަކީ ސުޕްރީމްކޯޓަށް ޤަބޫލުކުރެވޭ ސަބަބެއް ކަމުގައިވާނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތު ފާއިތުވުމަށްފަހުވެސް، އެ މައްސަލަ ބަލައިގަތުމުގެ އިޚްތިޔާރު ސުޕްރީމްކޯޓަށް ލިބިގެންވާކަމާއި ސުޕްރީމް ކޯޓުގެ ގަވާއިދުގެ 40 ވަނަ މާއްދާގައިވެސް އަމިއްލަ ބާރު ނުފޯރާފަދަ މަގުބޫލު ސަބަބެއް ހުށަހަޅައިފިނަމަ އެ މައްސަލައެއް ބަލައިގަތުމުގެ އިޚްތިޔާރު ސުޕްރީމްކޯޓަށް ލިބިގެންވާކަމަށް ބަޔާންކޮށްފައިވާކަމާއި، ހައިކޯޓުގެ ނަންބަރު 2013/HC-A/342 ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓަށް ބަލައިގަނެ، ހިންގާފައިވަނީ އެ މައްސަލަ ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) ދަށުން ހުށަހެޅުމުން، އިސްތިއުނާފުކުރުމަށް ހުށަހެޅި ފަރާތްތަކަކީ އިސްތިއުނާފު ކުރުމަށް އޮތް މުއްދަތުގެ ތެރޭގައި އަމިއްލަ ބާރު ނުފޯރާ މަޤުބޫލު ސަބަބެއް އޮވެގެން އިސްތިއުނާފުނުކޮށް ތިބި ފަރާތްތަކެއް ކަމަށް އެ މައްސަލަ ބެއްލެވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތަށް ފެނުމުންކަމާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު2015/SC-SJ/07 ރިޓް އޮފް ޕްރޮހިބިޝަނުން، އެ މައްސަލަ ހައިކޯޓުގެ 29 ވަނަ މާއްދާގެ (ނ) ދަށުން މައްސަލަ ބަލައިގަތްގަތުން ރަނގަޅު ނޫންކަމަށް ފާހަގަކޮށްފައި ވީނަމަވެސް، މައްސަލަ ބަލައިގަތުމުގައި އެ ކޯޓުން ރިއާޔަތްކޮށްފައިވާ ކަންކަމަކީ އެ ކޯޓުގެ ޤަވާޢިދުގެ 29 ވަނަ މާއްދާގެ (ނ) ގެ ދަށުން ރިޢާޔަތް ނުކުރެވޭނެ ކަންކަންކަމަށް ރިޓް އޮފް ޕްރޮހިބިޝަންގައި ބަޔާންކޮށްފައިނުވާކަމަށް ބުނެ ހުށަހެޅި ސަބަބެވެ.

13މައްސަލަ ހުށަހެޅި ފަރާތުން އެދިފައިވަނީ ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-SJ/07 ރިޓް އޮފް ޕްރޮހިބިޝަން އަކީ ކަނޑައެޅިގެން ޤާނޫނާއި ޚިލާފަށް ނެރެފައިވާ އަމުރެއް ކަމަށް ކަނޑައަޅައި ދިނުމަށާއި، ހައިކޯޓުގެ ނަންބަރު 2013/HC-A/342 ޤަޟިއްޔާގެ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި އެއްގޮތަށް ކޮށްފައިވާ ޙުކުމެއް ކަމަށް ކަނޑައަޅައި ދިނުމަށެވެ.

ތަދައްޚުލު ކުރުވާފައިވާ ފަރާތުގެ ވާހަކަ

14ތަދައްޚުލު ކުރުވާފައިވާ ޙުސައިން ޝާކިރުގެ ފަރާތުން މައިގަނޑު ގޮތެއްގައި ބުނެފައިވަނީ މިނިސްޓްރީ އޮފް ޖަސްޓިސް / ޕްރޮޕަޓީ ކްލެއިމްސް ޑިވިޝަން ނަންބަރު 105/PCD/69 ޤަޟިއްޔާ ނިމުނުތާ 44 އަހަރު ފަހުން ހައިކޯޓަށް އިސްތިއުނާފަށް ބަލައިގަތުމަކީ ކުރެވިގެން ވާނެ ކަމެއް ނޫން ކަމަށާއި، އެކަމުގެ ސަބަބުން ހަޤީޤަތުގައި ފާޅުކަން ބޮޑު ބޭއިންސާފެއް ކުރިމަތިވަނީ ޙުސައިން ޝާކިރާއި އޭނާގެ ދަރިންނަށް ކަމަށެވެ.

15މައްސަލަ އިސްތިއުނާފު ކުރުމުގެ ހުއްދަ ހައިކޯޓުން ދިންއިރު، 1969 ގައި އެ މައްސަލަ ދަށުކޯޓުން ނިމުނުތާ އެތައް އަހަރެއް ފާއިތުވެ، އެ މައްސަލަ ނިމުނުކަން އެފަރާތްތަކަށް އެނގޭނެ އެތައް ސަބަބެއް މެދުވެރިވެފައިވާ ކަމަށާއި އެ މުއްދަތުގައި ހިނގައިދިޔަ މުހިންމު ބައެއް ހާދިސާތަކާއި އެ ތާރީޚުގައި އެފަރާތްތަކުގެ އުމުރު ޝަރީޢަތަށް ހުށަހަޅާފައިވާނެ ކަމަށާއި، އެ މުއްދަތުގެ ތެރޭގައި މައްސަލަ ނިމުނުކަން އެފަރާތްތަކަށް ނޭގި ނުއޮންނާނެ ކަމަށާއި، 22 ޖޫން 1969 ގައި ތަރިކައިގެ މައްސަލަ ނިމުމުން، 1977 ގައި ޙުސައިން ޝާކިރަށް ގ.އަންބަރީގެ ރަޖިސްޓްރީ ކޮށްދީފައިވާ ކަމަށާއި، 2009 ވަނަ އަހަރު ޙުސައިން ޝާކިރު އެ ގޯތި ފައިސާ ދައްކައިގެން އަމިއްލަ ކޮށްފައިވާ ކަމަށާއި، މިހާރު އެހުރި ގޮތަށް ގޯތީގެ އެއްބައި ޢިމާރާތް ކޮށްފައި އެވަނީ 2006 ވަނަ އަހަރު ބެންކް އޮފް މޯލްޑިވްސްގައި ގޯތި ރަހުނު ކޮށްގެން ކަމަށާއި، ފަހުން 2008 ގައި ވެސް ސްޓޭޓް ބެންކް އޮފް އިންޑިއާ އިން ލޯނެއް ނެގި ކަމަށާއި، އެ ލޯނު ނަގާފައިވަނީ ޙުސައިން ޝާކިރާއި އޭނާގެ ދަރިންގެ ނަމުގައި ކަމަށާއި، މި ލޯނުތައް ނެގުމުގައި އިކުއިޓީ ބެހެއްޓުމާއި ފައިސާ ދެއްކުމުގެ ހުރިހާ ކަމެއްގައި ހިއްސާވެފައިވަނީ ޙުސައިން ޝާކިރުއާއި އޭނާގެ ދަރިން ކަމަށާއި، 2017 ވަނަ އަހަރު ގ.އަންބަރީގެ އެވެ ކިޔާ ގޯތީގައިވާ އަމިއްލަ ބިމާއި އެ ބިމުގައިވާ ނުއުފުލޭ މުދާ 7 ބަޔަށް ބަހައި ޙުސައިން ޝާކިރުއަށް އެއްބައި ބޭއްވުމަށް ފަހު ބާކީއޮތް 6 ބައިން ޙުސައިން ޝާކިރުގެ ދަރިންކުރެ އިބްރާހިމް ޝާން ޝާކިރު އާއި، މުޙައްމަދު ޝާޒް ޝާކިރު އާއި، ފާތިމަތު ޝައުނާ ޝާކިރު އާއި، މަރްޔަމް ޝީނީޒް ޝާކިރު އާއި، އިސްމާޢީލް ޝަނޫން ޝާކިރު އާއި، ޢާއިޝަތު ޝިފްނީޒް ޝާކިރު އާ މިއިން ކޮންމެ ކުއްޖަކަށް ބައެއް ހިބައިން ދީފައިވާ ކަމަށާއި، އެ މައްސަލައިގެ ތެރެއިން އެ ގޯތީގެ މިލްކުވެރިކަމާމެދު ދަޢުވާ ކުރާނެ ފަރާތެއް ހުރިތޯ ބެލުމަށް ފެމިލީ ކޯޓުން ކުރި އިޢްލާނުގެ މުއްދަތު ހަމަވިއިރު ވެސް މި މައްސަލަ ހުށަހެޅި ފަރާތްތަކުން އެއްވެސް ޝަކުވާއެއް ހުށަހަޅާފައި ނުވާކަމަށާއި، މިހާރު އެތަނަކީ ހުސައިން ޝާކިރުއާއި އޭނާގެ 6 ދަރިންގެ ތަނެއް ކަމަށާއި، ރިޓް އޮފް ޕްރޮހިބިޝަން ބާޠިލުކޮށް ހައިކޯޓުގެ ޤަޟިއްޔާ ތަންފީޒު ކުރާނަމަ ފާޅުކަން ބޮޑު ބޭއިންސާފެއް ހަޤީޤަތުގައި ލިބެނީ ޙުސައިން ޝާކިރުއާއި އޭނާގެ 6 ދަރިންނަށް ކަމަށެވެ.

16ހައިކޯޓުގެ ނަންބަރު 2013/HC-A/342 ޤަޟިއްޔާ ނިމުމާއެކު އެ މައްސަލަ ޙުސައިން ޝާކިރުގެ ފަރާތުން އިސްތިއުނާފަށް ސުޕްރީމް ކޯޓަށް ހުށަހެޅި ކަމަށާއި، ނަމަވެސް މައްސަލަ ބަލައިގެންފައި ނުވާ ކަމަށާއި، ސުޕްރީމް ކޯޓަށް ހުށަހެޅި ކަމުގެ ލިޔުމެއް ލިބިފައި ނުވާކަމަށާއި، ސުޕްރީމް ކޯޓަށް ހުށަހެޅި ފޯމު ޙުސައިން ޝާކިރުގެ އަތުގައި އެބައޮތް ކަމަށާއި، އޭގެ ކޮޕީއެއް ޝަރީޢަތަށް ހުށަހަޅާފައިވާނެ ކަމަށާއި، އޭގެ އިތުރުން ބެލެނިވެރިކަމުގެ އިޚްތިޞާޞްގެ ދަށުން މަތީ މަރުހަލާ ކޯޓުތަކުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ޢަމަލުކުރަންވީ ގޮތުގެ ގަވާއިދުގެ ދަށުން ވެސް ފިޔަވަޅު އަޅައި ދިނުމަށް އެދި ޙުސައިން ޝާކިރުގެ ފަރާތުން ފޯމް ހުށަހެޅި ކަމަށެވެ.

17ޙުސައިން ޝާކިރުގެ ފަރާތުން އެދިފައިވަނީ ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-SJ/07 ރިޓް އޮފް ޕްރޮހިބިޝަން އަލުން ބަލައި މުރާޖަޢާ ކުރާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި ދިނުމަށެވެ. އެ އަމުރު މުރާޖަޢާ ކޮށް އެ އަމުރު ބާޠިލުކުރާނަމަ ހައިކޯޓުގެ ނަންބަރު 2013/HC-A/342 ޤަޟިއްޔާ އިސްތިއުނާފު ކުރުމުގެ ފުރުސަތު އެފަރާތަށް ދިނުމަށެވެ.

ރައްދުގައި މައްސަލަ ހުށަހެޅި ފަރާތްތަކުން ދެއްކި ވާހަކަ

18ޙުސައިން ޝާކިރުގެ ފަރާތުން ދެއްކި ވާހަކަތަކަށް ރައްދު ދިނުމުގެ ގޮތުން މައްސަލަ ހުށަހެޅި ފަރާތްތަކުން ބުނެފައިވާ ވާހަކަތަކަށް ބަލާއިރު، ޙުސައިން ޝާކިރުގެ ފަރާތުން ފާހަގަކޮށްފައިވާ ގިނަ ކަންތައްތަކަކީ ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-SJ/07 ރިޓް އޮފް ޕްރޮހިބިޝަން އަލުން ބަލައި މުރާޖަޢާ ކޮށްދިނުމަށް އެދި ހުށަހެޅިފައިވާ މި މައްސަލައިގެ މައުޟޫޢާ ދުރު، އަދި މި މައްސަލައިގައި ފައިޞަލާ ކުރުމުގައި ރިޢާޔަތް ކުރެވިދާނެ ކަންތައްތަކެއް ނޫން ކަމަށާއި، މި މައްސަލަ ހުށަހެޅިފައިވަނީ ބުނެވިދިޔަ ރިޓް އޮފް ޕްރޮހިބިޝަންއަކީ ކަނޑައެޅިގެން ޤާނޫނު އެއްފަރާތްކޮށް ނިންމާފައިވާ ނިންމުމެއް ކަމަށްވާތީ އާއި އެ ނިންމުމުގެ ސަބަބުން މައްސަލަ ހުށަހެޅި ފަރާތްތަކަށް ފާޅުކަން ބޮޑު ބޭއިންސާފެއް ލިބިގެން ގޮސްފައިވާ ކަމަށާއި، އިސްލާމީ ޝަރީޢަތާއި ޤާނޫނުތަކުގެ ދަށުން ކުޑަކުދިންތަކަކަށް ކަށަވަރު ކޮށްދީފައިވާ ވަރަށް ބޮޑު ޙައްގުތަކެއް އެކުދިންގެ ކިބައިން ނިގުޅައިގަނެފައިވާތާ އެތަކެއް އަހަރުތަކެއް ފަހުން އެ ޙައްގުތައް ލިބުމުގެ މަގުފަހިވެ އެ ހައްގުތައް ތަންފީޒު ކުރުމުގެ ދޮރު ހުޅުވިގެން ގޮސްފައިވަނިކޮށް، ބުނެވިދިޔަ ރިޓް އޮފް ޕްރިހިބިޝަން އިން ހައިކޯޓުގެ ޙުކުމް ބާޠިލުކުރުމުން މައްސަލަ ހުށަހެޅި ފަރާތްތަކަށް ފާޅުކަން ބޮޑު ބޭއިންސާފެއް ލިބިގެން ގޮސްފައިވާ ކަމަށް ބުނެފައިވެއެވެ.

ބެލެނިވެރިކަމުގެ އިޚްތިޞާޞްގެ ދަށުން މަތީ މަރުހަލާ ކޯޓުތަކުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ޢަމަލުކުރަންވީ ގޮތުގެ ގަވާއިދު

19ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-SJ/07 ރިޓް އޮފް ޕްރޮހިބިޝަން ނެރެފައިވަނީ ބެލެނިވެރިކަމުގެ އިޚްތިޞާޞްގެ ދަށުން މަތީ މަރުހަލާ ކޯޓުތަކުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ޢަމަލުކުރަންވީ ގޮތުގެ ގަވާއިދު (މީގެ ފަހުން "ބެލެނިވެރިކަމުގެ އިޚްތިޞާޞްއާ ބެހޭ ގަވާއިދު" ކަމަށް ބުނެފައިވާ ޤަވާޢިދު) ގެ ދަށުންނެވެ. މި ޤަވާޢިދަކީ ސުޕްރީމް ކޯޓުގެ ނަންބަރު 2010/01/SC ސަރކިއުލަރއިން 21 މާރޗް 2010 ގައި ޢާންމުކުރި ގަވާއިދެކެވެ. ޤަވާޢިދަށް ޢަމަލުކުރަން ފަށާފައިވަނީ 21 މާރޗް 2010 ގައެވެ.

20HN1ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް ޢަމަލުކުރަން ފަށާފައިވަނީ 21 އޮކްޓޯބަރު 2010 ގައެވެ. ދިވެހިރާއްޖޭގެ ކޯޓުތަކުގެ އިޚްތިޞާޞް އާއި މައްސަލަ ބެލުން ތަރުތީބު ވެގެންވާގޮތް ކޯޓުތަކުގެ ޤާނޫނުގެ ދަށުން ތައާރުފުވެގެން ދިޔައެވެ. އެގޮތުން ދަށު މަރުހަލާ ކޯޓަކުން ނިންމާ ނިންމުމަކީ ޤާނޫނީ އުސޫލަކާ ޚިލާފަށް ނިންމާ ނިންމުމެއްކަމަށް ދެކޭނަމަ، އެކަން ހައިކޯޓުގައި އިސްތިއުނާފުކުރުމުގެ ފުރުސަތު މައްސަލައިގެ ދެފަރާތަށްވެސް ލިބިގެންވެއެވެ. ހަމަ އެފަދައިން، ހައިކޯޓު މަރުހަލާގައިވެސް ނިންމާ ނިންމުންތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުގެ ފުރުސަތު މައްސަލައިގެ ދެފަރާތަށް އޮވެއެވެ.

21ކޯޓުތަކުގެ ޤާނޫނުގެ 22 ވަނަ މާއްދާގެ (ހ) ގައި ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ނުވަތަ ކަމަކާ ގުޅޭގޮތުން އެ ޤާނޫނާއި ސުޕްރީމް ކޯޓުގެ ގަވާއިދުގެ ދަށުން ކުރަންޖެހޭ އެންމެހައި އަމުރުތައް ކުރުމާއި އަދި އެފަދަ މައްސަލަތަކާ ނުވަތަ ކަމަކާގުޅޭ ގޮތުން ޢަދުލު އިންސާފު ޤާއިމުކޮށް ދެމެހެއްޓުމަށާއި، ޢަދުލު އިންސާފުގެ ނިޒާމުގެ ބޭނުން ނަހަމަގޮތުގައި ހިފިޔަ ނުދިނުމަށާއި، އަދި ޢަދުލު އިންސާފުގެ ނިޒާމުގެ އިތުބާރު ދެމެހެއްޓުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިފައިވާކަމަށް ބަޔާންކޮށްފައިވެއެވެ. ހަމަ އެފަދައިން، އެ ޤާނޫނުގެ 22 ވަނަ މާއްދާގެ (ށ) ގައި، އެ ޤާނޫނާއި ސުޕްރީމް ކޯޓުގެ ގަވާއިދުގައި ހިމެނޭ އުސޫލުތަކާ އެއްވެސް ފަރާތަކުން ޚިލާފުވެއްޖެނަމަ، ކޯޓުގެ އަމިއްލަ އިސްނެގުމަކަށް ނުވަތަ މައްސަލައިގައި ހިމެނޭ ފަރާތެއްގެ އެދުމުގެ މަތިން، ޢަދުލު އިންސާފު ޤާއިމުކުރުމަށްޓަކައި ނުވަތަ ޢަދުލު އިންސާފުގެ ނިޒާމުގެ ބޭނުން ނަހަމަގޮތުގައި ހިފިޔަނުދިނުމަށްޓަކައި ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ނެރެންޖެހޭ އެކިއެކި އަމުރުތައް ނެރުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިދެވިފައިވާކަމަށް ބަޔާންކޮށްފައިވެއެވެ.

22HN2ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް ޢަމަލުކުރަން ފަށާފައިވަނީ ބެލެނިވެރިކަމުގެ އިޚްތިޞާޞްއާ ބެހޭ ގަވާއިދު ޢާންމު ކުރިތާ 7 (ހަތެއް) މަސް ފަހުން ކަމަށްވާތީ އެ ޤާނޫނުން ބެލެނިވެރިކަމުގެ އިޚްތިޞާޞްއާ ބެހޭ ގަވާއިދަށް ބާރު ލިބިފައިވާ ކަމަށް ނުބެލެވެއެވެ. ބެލެނިވެރިކަމުގެ އިޚްތިޞާޞްއާ ބެހޭ ގަވާއިދަށް ބާރު ލިބިދީފައިވަނީ ކޮން ޤާނޫނަކުންކަން އެނގެން ނެތްކަން ފާހަގަކުރެވެއެވެ. 10 އޮކްޓޫބަރު 2020 ގައި ވަނީ ސުޕްރީމް ކޯޓުން ވަނީ މި ޤަވާޢިދު އުވާލާފައެވެ.

ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-SJ/07 ރިޓް އޮފް ޕްރޮހިބިޝަން ނެރެފައިވަނީ ބެލެނިވެރިކަމުގެ އިޚްތިޞާޞްއާ ބެހޭ ގަވާއިދާ އެއްގޮތަށްތޯ ބެލުން.

23HN3HN4HN528 ޖޫން 2015 ގައި ނެރެފައިވާ ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-SJ/07 ރިޓް އޮފް ޕްރޮހިބިޝަން ނެފައިވަނީ ބެލެނިވެރިކަމުގެ އިޚްތިޞާޞްއާ ބެހޭ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިންތޯ ބަލާއިރު އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.

ރިޓް އޮފް ޕްރިހިބިޝަން ނެރުމާ ގުޅޭގޮތުން ބެލެނިވެރިކަމުގެ އިޚްތިޞާޞްއާ ބެހޭ ގަވާއިދުގެ ޖަދުވަލު 4 ގައި ބަޔާންވެގެންވަނީ "ދަށު މަރުހަލާގެ ކޯޓަކުން ބަލަމުންދާ މައްސަލައަކީ އެ ކޯޓުގެ އިޚްތިޞާޞް ނެތް މައްސަލައަކަށްވާނަމަ، ނުވަތަ މައްސަލައެއް ބެލުމުގެ ތެރޭގައި، އެ ކޯޓެއްގެ އިޚްތިޞާޞްއިން ބޭރުވެއްޖެނަމަ، އެ މައްސަލައިގައި އިތުރު ފިޔަވަޅެއް އެކޯޓަކުން ނޭޅުމަށް އަންގާ ރިޓް އޮފް ޕްރޮހިބިޝަން" މިހެން ކަމާއި، ރިޓް އޮފް ޕްރޮހިބިޝަން ނެރެވެނީ މައްސަލަ ދަށު ކޯޓުގައި ހިނގަމުން ދާއިރު ކަމާއި، މި މައްސަލައިގައި ބުނާ ރިޓް އޮފް ޕްރޮހިބިޝަން ނެރެފައިވަނީ ހައިކޯޓުން މައްސަލާގައި ފައިޞަލާ ކުރަނިވި ޙުކުމެއް އިއްވިތާ 7 މަހަށްވުރެ ގިނަދުވަސްވީ ފަހުންކަމާއި، ރިޓް އޮފް ޕްރޮހިބިޝަންގައި ހައިކޯޓަށް އެ މައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބިގެން ނުވާކަމަށްވެސް ފާހަގަކޮށްފައި ނުވާކަން.

ބެލެނިވެރިކަމުގެ އިޚްތިޞާޞްގެ ދަށުން ޚަޞްމަކާ ޚިލާފަށް އަމުރެއް ނެރެން ޖެހިއްޖެ ކަމަށް ބެލެނިވެރިކަމުގެ އިޚްތިޞާޞް ހިނގި ކޯޓަށް ފެނިއްޖެނަމަ، އެ ޚަޞްމެއްގެ ފަރާތުން އެ މައްސަލައިގައި ބުނާ އެއްޗެއް ބެލުމަށް އަޑުއެހުން ބާއްވަންވާނެ ކަމަށް، އެ ޤަވާޢިދުގެ 3 ވަނަ މާއްދާގެ (ބ) ގެ 2 ވަނަ ނަންބަރުގައި ބަޔާންވެގެންވާއިރު، ރިޓް އޮފް ޕްރޮހިބިޝަން ނެރުމުގެ ކުރިން މި މައްސަލަ ހުށަހެޅި ފަރާތްތަކުގެ ބަހެއް ހޯދާފައިވާކަން ރެކޯޑްތަކުން އެނގެން ނެތްކަމާއި، ރިޓް އޮފް ޕްރޮހިބިޝަން އޮތީ ސުޕްރީމް ކޯޓަށް މި މައްސަލަ މުރާޖަޢާކުރަން އެދި ހުށަހެޅި ފަރާތްތަކުގެ މަޞްލަޙަތާ ދެކޮޅަށްކަން.

ހައިކޯޓުގެ ނަންބަރު 2013/HC-A/342 ޤަޟިއްޔާ ނިމުމާއެކު އެ ޤަޟިއްޔާ ސުޕްރީމް ކޯޓަށް އިސްތިއުނާފަށް ހުށަހެޅިކަމަށް ޙުސައިން ޝާކިރުގެ ފަރާތުން ބުނެފައިވުމާއި، އެ ޤަޟިއްޔާ އިސްތިއުނާފަށް ހުށަހެޅިކަން ސުޕްރީމް ކޯޓުގެ ރެކޯޑުތަކުން އެނގެން ނެތީ ބަލައި ނުގަންނަން ނިންމާ މައްސަލަތަކުގެ ރެކޯޑު އޭރު ބަލަހައްޓަމުން ނުދާތީކަން މިކަމާ ގުޅިގެން ބެލިބެލުމުން އެނގެން އޮތުމާއި، އިސްތިއުނާފަށް އެއިރު ހުށަހެޅި ލިޔުންތައް ޙުސައިން ޝާކިރުގެ ފަރާތުން ކޯޓަށް ހުށަހަޅާފައިވުމުން، މިހުރިހާ ކަންކަމަށް ބަލާއިރު، ޙުސައިން ޝާކިރުގެ ފަރާތުން މައްސަލަ އިސްތިއުނާފު ކުރުމަށް މަސައްކަތްކުރި ކަމަށް ބުރަވެވޭ ކަމާއި، މައްސަލަ އިސްތިއުނާފަށް ހުށަހަޅާފައި އޮއްވައި ރިޓް އޮފް ޕްރޮހިބިޝަން ނެރެ ނިހާއީ ޙުކުމަކަށްވެފައިވާ ހައިކޯޓުގެ ޙުކުމް ބާޠިލު ކުރި ކުރުމަކީ މި ޤަވާޢިދުގެ ތަރަހައިގެ ބޭރުން ހިނގި ކަމެއްކަން.

ފައިޞަލާ ކުރަނިވި ޙުކުމެއް އިއްވާފައިވާ ޤަޟިއްޔާއެއްނަމަ އެ މައްސަލައެއް މަތީ މަރުޙަލާގެ ކޯޓަކުން ބަލަންވާނީ އެ މައްސަލައެއް އިސްތިއުނާފު ކުރުމަށް ހުށަހެޅުމުން ކަމަށް ޤަވާޢިދުގެ 3 ވަނަ މާއްދާގެ (ރ) ގައި ބަޔާންވެގެންވާއިރު، އިސްތިއުނާފަށް މައްސަލަ ހުށަހެޅިފައި އޮއްވައި، އިސްތިއުނާފަށް ހުށަހެޅުނު މައްސަލަ ބަލައި ނުގަނެ، އެ މައްސަލަ ބޭރުކޮށްލުމަށްފަހު، ކޯޓުން ނެރޭ އަމުރަކުން ނިހާއީ ޙުކުމެއް ބާޠިލުކޮށްލުމަކީ ކޯޓުތަކުގެ ޤާނޫނުން ޤާއިމްކޮށްފައިވާ އިސްތިއުނަފީ ނިޒާމާ މުޅިން ޚިލާފު، ކަނޑައެޅިގެން ޤާނޫނު އެއްފަރާތްކޮށް ނިޒާމުން ބޭރުން ކުރެވޭނެ ކަމެއްކަމުގައި ނޫނީ ނުވާނެކަން.

24މިހެން މިކަން އޮތުމުން، ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-SJ/07 ރިޓް އޮފް ޕްރޮހިބިޝަން ނެފައިވަނީ ބެލެނިވެރިކަމުގެ އިޚްތިޞާޞްއާ ބެހޭ ގަވާއިދާ، ކޯޓުތަކުގެ ޤާނޫނާ ކަނޑައެޅިގެން ޚިލާފަށް، އިސްތިޤްރާރުވެފައިވާ އިސްތިއުނާފީ ނިޒާމާ މުޅިން ފުށުއަރާގޮތަށް ކަނޑައެޅިގެން ޤާނޫނު އެއްފަރާތްކޮށް ނިޒާމުން ބޭރުން ނެރެފައިވާ އަމުރެއް ކަމަށް އަހުރެންނަށް ބުރަވެވެއެވެ.

25މައްސަލަ ނިންމަން ފެންނަ ގޮތްއިސްވެ ބަޔާންވެދިޔަ ކަންކަން އެ ގޮތުގެމަތިން ހުރުމުން، ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-SJ/07 ރިޓް އޮފް ޕްރޮހިބިޝަންއަކީ ކަނޑައެޅިގެން ޤާނޫނާ ޚިލާފު، ޢަމަލު ކުރަމުންދާ އިޖުރާއާތުތަކާއި ޤާނޫނީ އުސޫލުތައް އެއްކިބާކޮށް، ބެލެނިވެރިކަމުގެ އިޚްތިޞާޞްއާބެހޭ ގަވާއިދާވެސް ޚިލާފަށް ނެރެފައިވާ އަމުރެއް ކަމަށްވާތީ، ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-SJ/07 ރިޓް އޮފް ޕްރޮހިބިޝަން ބާޠިލުކުރަންޖެހޭ ކަމަށް އަހުރެން ދެކެމެވެ.

26HN6ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-SJ/07 ރިޓް އޮފް ޕްރޮހިބިޝަން ބާޠިލު ވުމުގެ ނަތީޖާއަކީ ހައިކޯޓުގެ ނަންބަރު 2013/HC-A/342 ޤަޟިއްޔާގެ ނިންމުމަށް އަލުން ދިރުންލިބި، އެ ނިންމުން ތަންފީޒުވުމުގެ މަގު ފަހިވެގެންދިޔުން ކަމަށްވުމާއި، ހައިކޯޓުގެ އެ ޤަޟިއްޔާ ނިންމުމާއެކު، އެ ނިންމުން ސުޕްރީމް ކޯޓަށް އިސްތިއުނާފު ކުރުމަށް ހުށަހެޅި ކަމަށް ޙުސައިން ޝާކިރުގެ ފަރާތުން ބުނެފައިވުމާއި، އިސްތިއުނާފު ކުރުމުގެ ފުރުސަތު މިހާރުވެސް ބޭނުންވާ ކަމަށް ޙުސައިން ޝާކިރުގެ ފަރާތުން މި މައްސަލައިގެ ޝަރީޢަތުގައި ވެސް ބުނެފައިވުމާއި، ގ.އަންބަރީގެ އެވެ ކިޔާ ގޯތީގެ ބިމާއި އެތަނުގައިވާ ނުއުފުލޭ މުދަލުގެ 07/06 (ހަތްބައި ކުޅަ ހަބައި) ޙުސައިން ޝާކިރުގެ 06 ދަރިންނަށް މިހާރު ހިބައިން ދީފައިވާތީ، ޙުސައިން ޝާކިރުގެ އިތުރުން މިކަމުގައި މައްސަލަޙަތު އޮތް ކޮންމެ ފަރާތަކަށް ހައިކޯޓުގެ ނަންބަރު 2013/HC-A/342 ޤަޟިއްޔާގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބިދެވެން ޖެހޭކަމަށް އަހުރެން ދެކެމެވެ.

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު

މި މައްސަލައިގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު

މި މައްސަލައިގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، މަތީގައި ބަޔާން ކޮށްފައިވާ ސަބަބުތައް އެގޮތަށް ހުރުމުން؛

ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-SJ/07 ރިޓް އޮފް ޕްރޮހިބިޝަންއަކީ ކަނޑައެޅިގެން ޤާނޫނާ ޚިލާފު، ޢަމަލު ކުރަމުންދާ އިޖުރާއާތުތަކާއި ޤާނޫނީ އުސޫލުތައް އެއްކިބާކޮށް، ބެލެނިވެރިކަމުގެ އިޚްތިޞާޞްގެ ދަށުން މަތީ މަރުހަލާ ކޯޓުތަކުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ޢަމަލުކުރަންވީ ގޮތުގެ ގަވާއިދާވެސް ޚިލާފަށް ނެރެފައިވާ އަމުރެއް ކަމަށްވާތީ، ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-SJ/07 ރިޓް އޮފް ޕްރޮހިބިޝަން އިން ނިންމާފައިވާ ނިންމުމަކީ ބާޠިލު ނިންމުމެއް ކަމަށް މި މައްސަލަ ބެލި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައިފީމެވެ.

އަދި މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި، ހައިކޯޓުގެ ނަންބަރު 2013/HC-A/342 ޤަޟިއްޔާ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް ހުށަހެޅުމުގެ ޙައްޤު، މަސްލަޙަތު އޮތް ކޮންމެ ފަރާތަކަށް ލިބިގެންވާ ކަމަށް، މި މައްސަލަ ބެލި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައިފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

ޢަލީ ރަޝީދު ޙުސައިން (ރިޔާސަތު)

ޢާއިޝާ ޝުޖޫން މުޙައްމަދު

މަޙާޒު ޢަލީ ޒާހިރު

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 141 ވަނަ މާއްދާ
  • ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 144 ވަނަ މާއްދާ
  • ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 15 ވަނަ މާއްދާގެ (ހ) އަދި (ނ)
  • ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 22 ވަނަ މާއްދާގެ (ހ) އަދި (ށ)
  • ސުޕްރީމް ކޯޓުގެ ގަވާއިދުގެ 40 ވަނަ މާއްދާ
  • ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ)
  • ބެލެނިވެރިކަމުގެ އިޚްތިޞާޞްގެ ދަށުން މަތީ މަރުހަލާ ކޯޓުތަކުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ޢަމަލުކުރަންވީ ގޮތުގެ ގަވާއިދުގެ 3 ވަނަ މާއްދާގެ (ބ) ގެ 2 ވަނަ ނަންބަރު
  • ބެލެނިވެރިކަމުގެ އިޚްތިޞާޞްގެ ދަށުން މަތީ މަރުހަލާ ކޯޓުތަކުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ޢަމަލުކުރަންވީ ގޮތުގެ ގަވާއިދުގެ 3 ވަނަ މާއްދާގެ (ރ)
  • ބެލެނިވެރިކަމުގެ އިޚްތިޞާޞްގެ ދަށުން މަތީ މަރުހަލާ ކޯޓުތަކުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ޢަމަލުކުރަންވީ ގޮތުގެ ގަވާއިދުގެ ޖަދުވަލު 4
  • ސުޕްރީމް ކޯޓުގެ ސަރކިއުލަރ ނަންބަރު 2010/01/SC
  • ސުޕްރީމް ކޯޓުގެ 2015/SC-SJ/07 (ރިޓް އޮފް ޕްރޮހިބިޝަން)

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ