ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
[2021] SC 03 · 2020/SC-A/41

މުޙައްމަދު މުނީރު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ސުޕްރީމް ކޯޓުދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 11 ޖަނަވަރީ 2021ދަށު ކޯޓު: ކްރިމިނަލް ކޯޓު (274/Cr-C/2015)ބާވަތް: ޖިނާއީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
2018/HC-A/234، 274/Cr-C/2015
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ކްރިމިނަލް ކޯޓުގެ 274/Cr-C/2015 ޤަޟިއްޔާގައި، ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ހ) ގެ ދަށުން އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުން މުޙައްމަދު މުނީރު ކުށްވެރިކޮށް، 15 އަހަރުގެ ޖަލު ޙުކުމް ކުރިއެވެ. ހައިކޯޓުގެ 2018/HC-A/234 ޤަޟިއްޔާގައި އެ ޙުކުމަށް ތާއީދުކުރިއެވެ. މުޙައްމަދު މުނީރު ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިއެވެ.
ވާޤިޢާ
މުޙައްމަދު މުނީރަކީ ކުއްޖާގެ ދޮންބައްޕައެވެ. 2011 ވަނަ އަހަރުން ފެށިގެން 19 ފެބްރުވަރީ 2014 ގެ ރޭގަނޑާ ހަމައަށް އެކި ފަހަރުމަތިން ކުއްޖާއާމެދު ޖިންސީ ޢަމަލު ހިންގި ކަމަށް ދަޢުވާކުރެވުނެވެ. ކުއްޖާ ދައްތައަށް ކިޔައިދިނުމުން މައްސަލަ ފުލުހުންނަށް ރިޕޯޓުކުރެވުނެވެ. ހެކީގެ ގޮތުގައި މެޑިކޯލީގަލް ރިޕޯޓާއި، ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގެ ރިޕޯޓާއި، ކުއްޖާގެ ތަޙުޤީޤު ބަޔާނާއި، ދައްތައާއި ސޯޝަލް ވޯކަރާއި ތަޙުޤީޤުކުރި ފުލުހެއްގެ ހެކިބަސް ހުށަހެޅުނެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން ކުރާ ދަޢުވާއެއްގައި، ކުޑަކުއްޖާ ކިޔައިދިން ކިޔައިދިނުމަށް ބިނާކޮށް، އެ ޤާނޫނުގެ 47 ވަނަ މާއްދާގައިވާ ހެކިން އެ ކިޔައިދިނުން ކޮރޮބޮރޭޓްވާނަމަ، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގެ މިންވަރަށް ކުށް ސާބިތުކުރެވޭނެތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
މުޙައްމަދު މުނީރު ބުނީ، ހައިކޯޓުގެ ޙުކުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އާ ޚިލާފު ޙުކުމެއް ކަމަށާއި، ހެކިން ދީފައިވާ ހެކިބަސް ބިނާވެފައިވަނީ ކުއްޖާ ކިޔައިދިން ކިޔައިދިނުމަށް ކަމުން އެއީ ހިޔަރސޭ ހެކި ކަމަށެވެ. އަދި މެޑިކޯލީގަލް ރިޕޯޓުން އޭނާ ކުށާ ގުޅުވައިނުލެވޭ ކަމަށާއި، ކުއްޖާ އޭނާއާމެދު ވާހަކަ ހަދައިގެން ދައްކާނެ އިޙުތިމާލު އޮތް ކަމަށް ބުންޏެވެ.
ކޯޓުގެ ސަބަބުތައް
ސުޕްރީމް ކޯޓުން ކަނޑައެޅީ، ޤާނޫނު ނަންބަރު 12/2009 ގެ 47 ވަނަ މާއްދާގައިވާ ހެކީގެ ބާވަތްތަކަކީ ކުއްޖާގެ ހެކިބަސް ކޮރޮބޮރޭޓްކުރުމުގެ ވަސީލަތްތަކެއް ކަމަށާއި، ކުއްޖާ ކިޔައިދޭ ކިޔައިދިނުމަކީ މިބާވަތުގެ މައްސަލަތަކުގެ މައިގަނޑު ހެކި ކަމަށެވެ. ކުއްޖާގެ ހެކިބަސް އެތެރެފުށުންނާއި ބޭރުފުށުން އެއްގޮތްވާކަމާއި، މެޑިކޯލީގަލް ރިޕޯޓުގައިވާ ދާދި ފަހުން ލިބުނު އަނިޔާއިން ކުއްޖާގެ ބަސްބުނުމަށް ބާރުލިބޭކަމާއި، ކުއްޖާ ވާހަކަ ހަދައިގެން ދައްކާނެ ސަބަބެއް ސާބިތުވެފައި ނުވާކަން ފާހަގަކުރިއެވެ. އެހެންކަމުން، އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުވާކަމަށް ހައިކޯޓުން ކަނޑައެޅީ ރަނގަޅަށްކަމަށް ނިންމިއެވެ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

ހައިކޯޓުގެ ޙުކުމް ޤާއިމް (އިއްތިފާޤުން)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ޢަމަލުތައް ޢާންމު ގޮތެއްގައި ހިންގަނީ އެކަހެރި ތަންތަނުގައި ސިއްރުންކަމަށް ވުމާއެކު، އެފަދަ ކުށްތަކާ ގުޅިގެން މިނިވަން މުސްތަޤިއްލު ހެކިތަކެއް ގިނަ ޙާލަތްތަކުގައި ނުހުންނާނެތީ، ޤާނޫނުގައި ވަކި 12 (ބާރަ) ހެއްކެއް ބަޔާންކޮށްފައިވަނީ އެ ހެކިތަކަކީ އެކަތި އަނެކައްޗާ ވަކިވެފައިވާ މުސްތަޤިއްލު ހެކިކަމަށް ބެލެވޭތީ ނޫންކަމަށް ބަޔާންކޮށްފައިވެއެވެ. އެއާ ޚިލާފަށް 12 (ބާރަ) ބާވަތެއްގެ ހެކި ވަކިވަކިން ލިސްޓުކޮށްފައި އެވަނީ ކުޑަކުއްޖާގެ ހެކިބަހަކީ އާދަޔާ ޚިލާފަށް ތެދުކަމަށް ޤަބޫލުކުރެވޭ ހެކިބަހެއްތޯ ނުވަތަ ނޫންތޯ ކަށަވަރުކުރުމުގެ ގޮތުން ފަނޑިޔާރުންނަށް ބޭނުންކުރެވިދާނެ ވަސީލަތްތަކެއްގެ ގޮތުގައިކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުޚްތާރު ގަޒިއްޔާގައި ކަނޑައަޅާފައިވެއެވެ. އެހެންގޮތަކަށް ބުނާނަމަ، ކުޑަކުއްޖާ ދީފައިވާ ހެކިބަސް ކޮރޮބޮރޭޓް ކުރުމުގެ ވަސީލަތްތަކެއްގެ ގޮތުގައެވެ. އެހެންކަމުން، މައްސަލައިގައި ކުޑަކުއްޖާ ދީފައިވާ ހެކިބަހަކީ އާދަޔާ ޚިލާފަށް ޤަބޫލުކުރެވޭ ހެކިބަހެއް ކަމުގައިވާނަމަ، އެ ހެކި ބަހުގެ މައްޗަށް ދަޢުވާ ސާބިތުކުރެވިދާނެއެވެ.

HN2 މިބާވަތުގެ މައްސަލަތަކަކީ ސިއްރިއްޔާތުގައި ހިނގާ މައްސަލަތައް ކަމަށްވެފައި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު ވުޖޫދުވެފައިވަނީ މިޤާނޫނުގެ ދަށުން އުފުލޭ ދަޢުވާގެ މައްސަލަތަކުގައި އިތުރު ބާވަތުގެ ހެކި ހުއްދަކުރުމާއި، ބަލައިގަންނަ ހެކީގެ މިންގަނޑު ލުއިކުރުމަށްކަން އެ ޤާނޫނުގެ މަޤުޞަދަށް ބެލުމުން އެނގެއެވެ. އަދި މިބާވަތުގެ މައްސަލަތަކުގެ ތަބީޢަތުން، މުޅި ދަޢުވާ ސާބިތުކުރުން ބިނާވެފައިވަނީ ކުޑަކުއްޖާ ކިޔައިދޭ ކިޔައިދިނުމުގެ މައްޗަށެވެ. ކުޑަކުއްޖާ ކިޔައިދޭ ކިޔައިދިނުމަކީ މިބާވަތުގެ މައްސަލަތައް ސާބިތުކުރުމުގައި ރިއާޔަތްކުރެވޭ މައިގަނޑު ހެކިކަން އެނގެއެވެ. އަދި ކުޑަކުއްޖާ ކިޔައިދޭ ކިޔައިދިނުމަށް އެ މާއްދާގައި ބުނެފައިވާ ހެކި ޤަރީނާއިން ކޮރޮބޮރޭޓްވާނަމަ މިބާވަތުގެ މައްސަލަތައް ސާބިތުކުރުމަށް ފުދެއެވެ.

HN3 ކުޑަކުއްޖާ ކިޔައިދޭ ކިޔައިދިނުން މައްސަލައިގެ ދެންހުރި ހެއްކާ ކޮރޮބޮރޭޓްވޭތޯ ބެލުމުގައި، ކުޑަކުއްޖާގެ ހެކިބަހަކީ އާދަޔާ ޚިލާފަށް ޤަބޫލުކުރެވޭ ހެކިބަހެއްތޯ ނުވަތަ ނޫންތޯ ބެލުމުގައި ކުއްޖާގެ ހެކިބަސް އެތެރެފުށުންނާއި ބޭރުފުށުން އެއްގޮތްވޭތޯ ބެލެވިދާނެއެވެ. އަދި ޝަކުވާ އުފުލި ފަރާތުގެ އަޚްލާޤާއި ޢަމަލުތަކާއި، ކުއްޖާގެ އުޅުން ހުންނަ ގޮތުގެ މައްޗަށާއި، ކުއްޖާ މުއްތަހަމާބެހޭ ގޮތުން ޝަކުވާކުރުމުގައި އެއްވެސް ނުނިޔަތެއް އޮތްތޯ ބެލިދާނެއެވެ.

HN4 ކުއްޖާގެ މެޑިކޯލީގަލް ރިޕޯޓުގެ ބޭނުމަކީ ކުއްޖާއަށް ޖިންސީ އަނިޔާއެއް ލިބިފައިވާކަން ދެނެގަތުމެވެ. އެގޮތުން މެޑިކޯ ލީގަލް ރިޕޯޓުން މައިގަނޑު ދެ ކަމެއް އަންގައިދެއެވެ. ފުރަތަމަ ކަމަކީ، ސިއްޙީ މާހިރުއަށް ކިޔައިދީފައިވާ ހިސްޓްރީ ބަޔާންކުރުމުން އެފަރާތަށް ފާހަގަކުރެވޭ ކަންކަން (observations) ބަޔާންކުރުމެވެ. ދެވަނަ ކަމަކަށް ރިޕޯޓުގައި ބަޔާންކުރަނީ ސިއްޙީ މާހިރުގެ ރައުޔު (expert opinion) އެވެ. އަދި ކުއްޖާއަށް ޖިންސީ އަނިޔާއެއް ލިބިފައިވާކަން މެޑިކަލް ރިޕޯޓުން ދައްކާނަމަ އެއީ ކުއްޖާ ބުނާ ބުނުމަށް ބާރު ލިބިދޭ ވަސީލަތެއްކަން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގެ ބޭނުމަށް ފުދެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޑރ. އަޒްމިރާލްދާ ޒާހިރު (ރިޔާސަތު)، މަޙާޒު ޢަލީ ޒާހިރު، ޙުސްނުއްސުޢޫދު
ރިޔާސަތު
ޑރ. އަޒްމިރާލްދާ ޒާހިރު
ރައުޔު ލިޔުނު ފަނޑިޔާރު
ޑރ. އަޒްމިރާލްދާ ޒާހިރު · ތާއީދުކުރެއްވީ: މަޙާޒު ޢަލީ ޒާހިރު، ޙުސްނުއްސުޢޫދު
ޚިލާފު ރައުޔު
ނެތް
މި ކޯޓުގައި
ހުށަހެޅުނީ 21 އޮކްޓޫބަރު 2019 · ރަޖިސްޓްރީކުރީ 10 ޖޫން 2020 · ނިމުނީ 11 ޖަނަވަރީ 2021 (7.1 މަސް)

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

2020/SC-A/41

ޝަރީޢަތް ނިމުނު ގޮތް

މުޙައްމަދު މުނީރު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ފަނޑިޔާރުންގެ މަޖިލިސް

ޑރ. އަޒްމިރާލްދާ ޒާހިރުމަޙާޒު ޢަލީ ޒާހިރުޙުސްނުއް ސުޢޫދުނިމުނު ތާރީޚު

11 ޖަނަވަރީ 2021

އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ

2018/HC-A/234

އިސްތިއުނާފު ރައްދުވާ ފަރާތް

އިސްތިއުނާފުކުރާ ފަރާތް

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

މުޙައްމަދު މުނީރު

ޤާނޫނީ ވަކީލު:

ޤާނޫނީ ވަކީލު:

މަރްޔަމް ޒާހިރު

ފާޠިމަތު ސަޢީދު ޢަބްދުﷲ ނަޞީރު މުޙައްމަދު، ބޯޅަނދުގެ،ގދ.ގައްދޫ

ޖިނާއީ- ޤާނޫނު ނަންބަރު 2009/12 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނޫ) ގެ 47 ވަނަ މާއްދާ، ކުއްޖާގެ ހެކިބަސް، ހެކިބަސް ކޮރެބޮރޭޓްކުރުން، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ)

މުޙައްމަދު މުނީރު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު (ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު އަދި ފަނޑިޔާރު ޙުސްނުއްސުޢޫދު ތާއީދު ކުރައްވާފައި)

ތަޢާރުފު

1ގއ. ކަނޑުހުޅުދޫ / ވިޒާ، މުޙައްމަދު މުނީރު (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A140804)ގެ މައްޗަށް 2011 ވަނަ އަހަރުން ފެށިގެން އެކި ދުވަސް މަތިން މީނާގެ ދޮންދަރި (މައްސަލަ ޝަރީޢަތަށް ހުށަހެޅުނުއިރު އުމުރުން 13 އަހަރުގެ ކުއްޖެއް، މީގެ ފަހުން "ކުޑަކުއްޖާ" ނުވަތަ "ކުއްޖާ") އަކާމެދު ޖިންސީ ޢަމަލު ހިންގާފައިވާތީއާއި، 19 ފެބްރުވަރީ 2014 ގެ ރޭގަނޑުގައި ކުއްޖާ ނިދާފައި އޮއްވާ، މީނާ ކުއްޖާގެ ނިދާ ކޮޓަރިއަށް ވަދެ ކުއްޖާގެ އުރަމަތީގައި ހިފައި، އުރަމަތީގައި އަނގަޖަހައި ބޮއެ، ކުއްޖާގެ ޖަނގިޔާ ތެރެއަށް އަތް ކޮށްޕައި، ކުރިމަތިފަރާތަށް އިނގިލި ކޮށްޕައި ކުއްޖާއާމެދު ޖިންސީ ޢަމަލު ހިންގާފައިވާތީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު ގެ 9 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ ކުރިއެވެ. ކްރިމިނަލް ކޯޓުން އެ މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 274/Cr-C/2015 ގަޒިއްޔާއިންނެވެ. އަދި އެ ގަޒިއްޔާއިން މުޙައްމަދު މުނީރުގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައެޅުނެވެ. އެ މައްސަލަ މުޙައްމަދު މުނީރުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން، ކްރިމިނަލް ކޯޓުގެ އެ ޙުކުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/234 ގަޒިއްޔާއިން ތާއީދުކޮށްފައިވެއެވެ.

2މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/234 ގަޒިއްޔާ އިސްތިއުނާފުކުރުމަށް މުޙައްމަދު މުނީރުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން މި ކޯޓުން ބެލި މައްސަލައެވެ.

ދަޢުވާ ބިނާކޮށްފައިވާ ހެކިތައް

3މުޙައްމަދު މުނީރުގެ މައްޗަށް ދައުލަތުން ކުރި ދަޢުވާ ސާބިތުކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ އަންނަނިވި ހެއްކެވެ.

(ހ)ކުޑަކުއްޖާގެ މެޑިކޯލީގަލް ރިޕޯޓު

(ށ)ގއ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުން ތައްޔާރުކޮށްފައިވާ ކުޑަކުއްޖާއާ ގުޅޭ ރިޕޯޓު

(ނ)ކުޑަކުއްޖާގެ ތަޙުޤީޤު ބަޔާން

(ރ)ކުޑަކުއްޖާގެ އެއްބަނޑު ދައްތަ

(ބ)ގއ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގެ އެސިސްޓެންޓް ސޯޝަލް ސަރވިސް ވޯކަރ މިލްމާ ފިކުރީ

(ޅ) މި މައްސަލަ ތަޙުޤީޤު ކުރި ފަރާތް ކަމުގައިވާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޮލިސް ލާންސް ކޯޕްރަލް ޢަލީ ރިޔާޟްއެވެ.

ކްރިމިނަލް ކޯޓުން މައްސަލަ ނިންމިގޮތް

4މި ހެކިތަކުގެ މައްޗަށް ބިނާކޮށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައިވަނީ، ހެކިންގެ ހެކިބަހުންނާއި ގުޅިފައިވާ ޤަރީނާތަކުން ކުޑަކުއްޖާއާމެދު ބަދު އަޚްލާޤީ ޢަމަލު ހިންގާފައިވާކަން ޝަރީޢަތަށް ސާބިތުވާތީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 9 ވަނަ މާއްދާގެ (ހ) ގެ ދަށުން އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުން މުޙައްމަދު މުނީރު ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި، މި ކުށުގެ އުޤޫބާތެއްގެ ގޮތުން މުޙައްމަދު މުނީރު 15 (ފަނަރަ) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށެވެ.

ހައިކޯޓުން މައްސަލަ ނިންމި ގޮތް

5ކްރިމިނަލް ކޯޓުގެ ނަންބަރު 274/Cr-C/2015 ގަޒިއްޔާ އިސްތިއުނާފުކުރުމަށް މުޙައްމަދު މުނީރުގެ ފަރާތުން ހުށަހެޅުމުން، ހައިކޯޓުން އެ ކޯޓުގެ ނަންބަރު 2018/HC-A/234 ގަޒިއްޔާގައި ކްރިމިނަލް ކޯޓުގެ ޙުކުމަށް ތާއީދުކޮށް މައްސަލަ ނިންމާފައިވެއެވެ. ހައިކޯޓުން މި ޙުކުމަށް ވާޞިލުވީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބުރަވެއެވެ.

(ހ)ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން އުފުލޭ ކުށުގެ ދަޢުވާއެއް ސާބިތުކުރުމަށް އެ ޤާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހެކީގެ ތެރެއިން 5 (ފަހެއް) ބާވަތެއްގެ ހެކި ހުރިނަމަ، އެއީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާ މިންވަރަށް ލިބިފައިވާ ހެކި ކަމަށް ބެލެވޭނެކަމާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-DM/01 ގަޒިއްޔާގައި 47 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހެކީގެ ތެރެއިން އެ މާއްދާގެ (ޅ)، (ކ)، (ދ) މި އަކުރުތަކުގައި ބަޔާންކޮށްފައިވާ ހެއްކަކީ ވަކިވަކި ހެކިތަކެއް ނޫންކަމުގައި ބަޔާންކޮށްފައިވީ ނަމަވެސް، އަދި އެ މާއްދާގައި ބުނާ މިންވަރަށްވުރެ މަދުން ހެކި ލިބިފައިވީނަމަވެސް ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާ މިންވަރަށް ސާބިތުވާނަމަ ކުށް ޝަރީޢަތަށް ސާބިތުވާ ކަމަށް ކަނޑައެޅިދާނެކަން؛

(ށ)ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން ކްރިމިނަލް ކޯޓުން ބަލާފައިވާ ބެލުންތަކުގައި، 47 ވަނަ މާއްދާގެ (ޅ) އަދި (ކ) ގައި ބަޔާންކުރާ ހެކިތަކަކީ ވަކިވަކި ހެކިތަކެއްކަމުގައި ބަލައިގެންފައިނުވާ ކަމަށާއި، އަދި 47 ވަނަ މާއްދާގެ (އ) ގައި ބުނާހެކި ތަޤްޔީމްކޮށް ވަޒަންކޮށްފައިވާގޮތަށް ބަލާއިރު، ކުއްޖާއާ މުޙައްމަދު މުނީރު ބެހޭކަމަށް ކުއްޖާގެ ދައްތައަށް ކިޔައިދީފައިވަނީ 20 ފެބްރުވަރީ 2014 ގައިކަމާއި އަދި ކުއްޖާއާ ސުވާލު ކުރުމުން އެންމެ ފަހުން ކުއްޖާއާ ބެހިފައިވަނީ 19 ފެބްރުވަރީ 2014 ގައި ކަމަށް ބުނެފައިވާކަން އެނގެން އޮތުމުން، ސިލްސިލާގޮތެއްގައި މި ބާވަތުގެ ކަމެއް ތަކުރާރުވަމުންދާނަމަ، އެ ކަމެއް އެންމެ ފަހުން ތަކުރާރުވި ވަގުތާއި ގުޅުވައި މުއްދަތު ބަލާއިރު، ހާދިސާ ހިނގި ވަގުތާއި މާގިނަ މުއްދަތެއް ފާއިތުވެފައިނުވާނަމަ، 47 ވަނަ މާއްދާގެ (އ) ގެ ބޭނުމަށް ޤަބޫލުކުރެވޭނެކަން؛

(ނ)މައްސަލައިގައި ހުށަހެޅުނު ލިޔުންތަކަށް ބަލާއިރު، މުޙައްމަދު މުނީރުއާމެދު ޙަޤީޤަތެއްނެތް ވާހަކަތަކެއް ހަދައިގެން ނުވަތަ އަލަށް އުފައްދައިގެން ކުޑަކުއްޖާ ކިޔައިދޭންޖެހޭ ސަބަބެއް ނުވަތަ އެކުއްޖާ ކިޔައިދިން ދިނުމަކީ މުޙައްމަދު މުނީރުއާމެދު ހަދައިގެން ނުވަތަ އުފައްދައިގެން ކިޔައިދިންކަމަށް ބެލެވޭނެ ސަބަބެއް ފެންނަން ނެތްކަން އަދި އެފަދަ ސަބަބެއް އޮތްކަމަށް ބުނެ މުޙައްމަދު މުނީރު އިއުތިރާޟުވެސް ކޮށްފައިނުވާކަން؛

(ރ)ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (ހ) ގެ ދަށުން، މެޑިކޯ ލީގަލް ރިޕޯޓު ހުށަހެޅިފައިވާއިރު، އެ ރިޕޯޓުން ކުއްޖާގެ ބިކުރު ކެނޑި، ކުރިމަތި ފަރާތު ދޮރާއި ދިމާލުން ވަކި އެޅި ހަލާކުވެފައި އޮތްކަން އެނގެން އޮންނަކަމާއި، އަދި އެ މާއްދާގެ (ވ) ގެ ދަށުން ކުޑަކުއްޖާ ކިޔައިދިން އެއްޗަކާއި އެ ކުއްޖާއަށް ޖިސްމާނީގޮތުން ލިބިފައިވާ ގެއްލުންކަމަށް ޑޮކްޓަރީގޮތުން ފާހަގަވާންހުރި ކަންކަމާ ދިމާވާކަން؛

(ބ)ޤާނޫނުގެ 47 ވަނަ މާއްދާގެ (މ) ގެ ދަށުން މުޙައްމަދު މުނީރަކީ ޖިންސީ ޢަމަލު ހިންގި މީހެއްކަމަށް ބަލައި ހެކި ނަގާފައިވަނީ ރަނގަޅަށް ނޫންކަމުން 47 ވަނަ މާއްދާގައި ބަޔާންކުރާ 5 (ފަހެއް) ބާވަތުގެ ހެކި ލިބިފައިނުވާކަމާއި، ނަމަވެސް، ޖިނާއީ ކުށެއް ސާބިތުކުރުމުގެ އާންމު އުސޫލުން މި މައްސަލާގައި ލިބިފައިވާ ހެކިތައް ވަޒަންކޮށް ބަލާއިރު ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާ އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ދަޢުވާގައިވާ ކުށް މުޙައްމަދު މުނީރުގެ މައްޗަށް ސާބިތުވާކަން؛

އެހެންކަމުން، މި ސަބަބުތަކުގެ މައްޗަށް ބިނާކޮށް ހައިކޯޓުން ޙުކުމްކޮށްފައިވަނީ ކްރިމިނަލް ކޯޓުގެ ނަންބަރު 274/Cr-C/2015 ގަޒިއްޔާއިން ނިންމާފައިވާ ނިންމުމަށް ތާއީދުކޮށެވެ.

ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވުނު ނުކުތާ

6ހައިކޯޓުގެ ނަންބަރު 2018/HC-A/234 ގަޒިއްޔާ މުޙައްމަދު މުނީރުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރަމުން ހުށަހެޅި މައިގަނޑު ނުކުތާއަކީ ހައިކޯޓުން ޙުކުމް ކޮށްފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތަކުގައި ބަލައިގަނެވޭނެ ހެކި

7ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 1 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ އެ ޤާނޫނަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުން، ތަޙުޤީޤުގެ މަރުހަލާގައާއި ޝަރީޢަތުގެ މަރުހަލާގައި ބަންދުގައި ބޭތިއްބުމާއި، ބަންދުން ވީއްލުމަށްފަހުގައި ވެސް ވަކި ނިޒާމެއްގެ ތެރެއިން ބަލަހައްޓަމުން ދިޔުމާއި، ޝަރީޢަތަށް ހެކި ބަލައިގަތުމުގައި ލުއި މިންގަނޑެއް ހުއްދަކުރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާއިން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ޚާއްޞަ އުސޫލުތައް ބަޔާންކުރުމުގެ ޤާނޫނެއް ކަމަށެވެ. އަދި ޤާނޫނުގެ މަޤުޞަދުތަކުގެ ތެރޭގައި ޝަރީޢަތުގެ މަޖިލީހަށް ބަލައިގަންނަ ބާވަތުގެ ހެކީގެ އިތުރުން، ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާ ސާބިތުކުރުމަށް އިތުރު ބާވަތުގެ ހެކި ހުއްދަކުރުމާއި، ބަލައިގަންނަ ހެކީގެ މިންގަނޑު ލުއިކުރުން ހިމެނެއެވެ.

8ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގައި 12 (ބާރަ) ބާވަތެއްގެ ހެކި ލިސްޓުކޮށްފައިވެއެވެ. އަދި މި ހެކީގެ ތެރެއިން މަދުވެގެން 5 (ފަހެއް) ބާވަތެއްގެ ހެކި ހުރިނަމަ، އެ ހެއްކަކީ މި ޤާނޫނުގެ ދަށުން އުފުލޭ ދަޢުވާއެއް ޝަރީޢަތަށް ސާބިތުކުރުމަށް ފުދޭނެ މިންވަރުގެ ހެކި ކަމަށް އޮވެއެވެ. އެ މާއްދާގައި ބުނެފައިވަނީ މިފަދައިންނެވެ.

ހެކީގެ ނިސްބަތް 47. އެހެން ޤާނޫނެއްގައި، ޖިނާއީ ކުށް ސާބިތުކުރުމަށް ބޭނުންވާ ހެކީގެ މިންގަނޑުކަމަށް ނުވަތަ ޝަރީޢަތަށް ގަބޫލުކުރާ ހެކީގެ ބާވަތްކަމަށް އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، މި ޤާނޫނުގެ ބޭނުމަށްޓަކައި ނުވަތަ މި ޤާނޫނުގެ ދަށުން އުފުލޭ ދަޢުވާއެއްގައި، މީހަކު، ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގައިފިކަން ސާބިތުކުރުމަށްޓަކައި، ނުވަތަ މި ޤާނޫނުގައިވާ ކުށެއް ސާބިތުކުރުމަށްޓަކައި، އަންނަނިވި ބާވަތުގެ ހެކީގެ ތެރެއިން މަދުވެގެން ފަސް ބާވަތެއްގެ ހެކި ހުރެއްޖެ ކަމަށް ވާނަމަ، އެ ހެއްކަކީ، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ފަދައިން، މީހަކު ކުށެއް ކޮށްފިކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީޢަތަށް ސާބިތުކުރުމަށް ބޭނުންވާ މިންވަރަށް ލިބިފައިވާ ހެކިކަމުގައި ބެލެވޭނެއެވެ.

(ހ) ޖިންސީ ޢަމަލު ކުޑަކުއްޖަކާއެކު ހިންގައިފިކަން ސާބިތުކޮށްދޭ ރަސްމީ ލިޔުމެއް.

(ށ) ސައިންޓިފިކް ތަހުލީލުތަކުން ދައްކާ ނަތީޖާ.

(ނ) ލޮލަށް ފެނުނު މީހުންގެ ހެކީގެ ބަޔާން.

(ރ) ފޮރެންސިކް ނިޝާންތަކުންނާއި ތަހުލީލުތަކުން ލިބޭ ހެކި.

(ބ) ވީޑިއޯ ރެކޯޑުތަކުން ލިބޭ ހެކި.

(ޅ) އެކަމެއް ހިނގުމުން ދާދި އަވަހަށް ނުވަތަ އެކަމެއް ހިނގުމާ ދެމެދު ގިނަ ދުވަސްތަކެއް ނުވަނީސް ކުއްޖާގެ މައިންބަފައިންނަށް، ނުވަތަ ގާތްތިމާގެ މީހަކަށް، ނުވަތަ ރަހުމަތްތެރިއަކަށް، ނުވަތަ ޑޮކްޓަރަކަށް، ނުވަތަ ސިއްހީ އެހީތެރިއަކަށް، ނުވަތަ ސައިކޮލޮޖިސްޓަކަށް، ނުވަތަ ސައިކިއޭޓްރިސްޓަކަށް ނުވަތަ މައްސަލަ ތަޙުޤީޤުކުރާ ފުލުހަކަށް ނުވަތަ ކުޑަކުދިން ރައްކާތެރިކުރުމުގެ ޚިދުމަތުގައި މަސައްކަތްކުރާ މީހަކަށް ކުޑަކުއްޖާ ދީފައިވާ ބަޔާން.

(ކ) އޭނާއާމެދު ކަންވީގޮތް ކަމަށް ނުވަތަ އެކަން ހިނގާދިޔަގޮތް ކަމަށް ކުޑަކުއްޖާ ކިޔައިދީފައިވާ ބަޔާން.

(އ) މީހަކާ ބެހޭގޮތުން ޙަޤީޤަތެއް ނެތް ވާހަކަތަކެއް ހަދައިގެން، ނުވަތަ އަލަށް އުފައްދައިގެން ކިޔައިދިނުންކަމަށް ބެލެވޭނެ ސަބަބެއްނެތި ނުވަތަ ހާދިސާ ހިނގި ވަގުތާއި އެ ވާހަކަ، ކުޑަކުއްޖާ ކިޔައިދިން ވަގުތާ ދެމެދު މާ ދިގު މުއްދަތެއް ފާއިތު ނުވަނީސް ކިޔައިދީފައިވާ ކިޔައިދިނުމެއް.

(ވ) ކުޑަކުއްޖާ ކިޔައިދޭ އެއްޗަކާ އެކުއްޖާއަށް ޖިސްމާނީގޮތުން ލިބިފައިވާ ގެއްލުން ކަމަށް ޑޮކްޓަރީގޮތުން ފާހަގަވާން ހުރި ކަންކަމާއި ފޮރެންސިކް ތަހްލީލުތަކުން ފާހަގަވާން ހުރި ކަންކަން ދިމާވުން.

(މ) އެ ކުއްޖާއާއެކު ޖިންސީ ޢަމަލު ހިންގި މީހަކީ ކުރިން ޖިންސީ ޢަމަލު ހިންގި މީހެއްކަން ސާބިތުވެފައިވުން.

(ފ) މާއްދީ ހެކި.

(ދ) މައްސަލަ ބަލާ ފަރާތުން ކުއްޖާއާ އިންޓަރވިއު ކުރުމުން ކުއްޖާ ކިޔައިދީފައިވާ ވާހަކަ.

9HN1މި ގަޒިއްޔާއާއެކު ހިންގުނު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/40 ގަޒިއްޔާގައި ވެސް ފާހަގަކޮށްފައިވާ ފަދައިން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުޚްތާރު ގަޒިއްޔާއާއި ދިވެހި ދައުލަތް (އެޓަރނީ ޖެނެރަލްގެ އޮފީސް) ވ. ޢަލީ ޝާހް ގަޒިއްޔާގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ޢަމަލުތައް ޢާންމު ގޮތެއްގައި ހިންގަނީ އެކަހެރި ތަންތަނުގައި ސިއްރުންކަމަށް ވުމާއެކު، އެފަދަ ކުށްތަކާ ގުޅިގެން މިނިވަން މުސްތަޤިއްލު ހެކިތަކެއް ގިނަ ޙާލަތްތަކުގައި ނުހުންނާނެތީ، ޤާނޫނުގައި ވަކި 12 (ބާރަ) ހެއްކެއް ބަޔާންކޮށްފައިވަނީ އެ ހެކިތަކަކީ އެކަތި އަނެކައްޗާ ވަކިވެފައިވާ މުސްތަޤިއްލު ހެކިކަމަށް ބެލެވޭތީ ނޫންކަމަށް ބަޔާންކޮށްފައިވެއެވެ. އެއާ ޚިލާފަށް 12 (ބާރަ) ބާވަތެއްގެ ހެކި ވަކިވަކިން ލިސްޓުކޮށްފައި އެވަނީ ކުޑަކުއްޖާގެ ހެކިބަހަކީ އާދަޔާ ޚިލާފަށް ތެދުކަމަށް ޤަބޫލުކުރެވޭ ހެކިބަހެއްތޯ ނުވަތަ ނޫންތޯ ކަށަވަރުކުރުމުގެ ގޮތުން ފަނޑިޔާރުންނަށް ބޭނުންކުރެވިދާނެ ވަސީލަތްތަކެއްގެ ގޮތުގައިކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުޚްތާރު ގަޒިއްޔާގައި ކަނޑައަޅާފައިވެއެވެ. އެހެންގޮތަކަށް ބުނާނަމަ، ކުޑަކުއްޖާ ދީފައިވާ ހެކިބަސް ކޮރޮބޮރޭޓް ކުރުމުގެ ވަސީލަތްތަކެއްގެ ގޮތުގައެވެ. އެހެންކަމުން، މައްސަލައިގައި ކުޑަކުއްޖާ ދީފައިވާ ހެކިބަހަކީ އާދަޔާ ޚިލާފަށް ޤަބޫލުކުރެވޭ ހެކިބަހެއް ކަމުގައިވާނަމަ، އެ ހެކި ބަހުގެ މައްޗަށް ދަޢުވާ ސާބިތުކުރެވިދާނެއެވެ.

10ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/40 ގަޒިއްޔާއަކީ މި މައްސަލައިގައި ވެސް ހިމެނޭ ކުޑަކުއްޖާއަށް މުޙައްމަދު މުނީރު ޖިންސީ ގޯނާ ކުރި މައްސަލައެކެވެ. އެހެންނަމަވެސް އެ ގަޒިއްޔާގައިވާ ހާދިސާއަކީ މި ގަޒިއްޔާގައި ހިމެނޭ މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ރިޕޯޓު ކުރި ފަހުން، މުޙައްމަދު މުނީރު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބަންދެއްގައި ހުރުމަށް ފަހު ގެއަށް ދޫކޮށްލިފަހުން، އަދި މި މައްސަލައިގެ ދަޢުވާ ކްރިމިނަލް ކޯޓުގައި ކުރުމުގެ ކުރިން، އެ ކުއްޖާއަށް އަނެއްކާ ޖިންސީ ގޯނާ ކުރުމުގެ ސަބަބުން ކުރި ދަޢުވާއެވެ. ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/40 ގަޒިއްޔާގައިވެސް ކުއްޖާގެ އެއްބަނޑު ދައްތައަށް ކިޔައިދިން ކިޔައިދިނުމާ ޙަވާލާ ދީފައިވާނެއެވެ. އެހެންނަމަވެސް އެ ގަޒިއްޔާގައި ހެކިބަސް ދިން ދައްތައާއި މި ގަޒިއްޔާގައި ހެކިބަސް ދީފައިވާ އެއްބަނޑު ދައްތައަކީ ތަފާތު ދެ މީހުންކަން ފާހަގަކުރަމެވެ.

ކުޑަކުއްޖާ ކިޔަދީފައިވާ ކިޔައިދިނުމަށް ބުރަދަން ނުދެވޭނެކަމަށް ބުނާ ބުނުން

11ހައިކޯޓުގެ ނިންމުން އިސްތިއުނާފު ކުރަމުން މުޙައްމަދު މުނީރުގެ ފަރާތުން ހުށަހަޅާފައިވާ މައިގަނޑު ޝަކުވާއަކީ މި މައްސަލައިގައި ހެކީގެ ގޮތުގައި ހުށަހެޅުނު ފުލުހުންނަށާއި، އެސިސްޓެންޓް ސޯޝަލް ސަރވިސް ވޯކަރ މިލްމާ ފިކުރީއަށާއި ކުޑަކުއްޖާގެ ދައްތައަށް ދީފައިވާ ހެކިބަސް ބިނާވަނީ ކުޑަކުއްޖާ ކިޔައިދީފައިވާ ކިޔައިދިނުމަށް ކަމަށް ވާތީއެވެ. އަދި އަނިޔާ ލިބުނު ފަރާތުން ދޭ ހެކިބަހަކީ ޢާންމު އުޞޫލެއްގެ ގޮތުން ބަލައިގަންނަ އެއްޗެއްނޫންކަމަށާއި، ހިޔަރސޭ އެވިޑެންސަކީ ޢާންމު އުޞޫލެއްގެ ގޮތުން ޖިނާއީ މައްސަލަތައް ސާބިތުކުރުމުގައި އިސްތިސްނާއީ ޙާލަތުގައި މެނުވީ ބަލައިގަންނަ އެއްޗެއްނޫން ކަމަށް މުޙައްމަދު މުނީރުގެ ފަރާތުން ބުނެފައިވެއެވެ.

12HN2ކުއްޖާ ކިޔައިދޭ ކިޔައިދިނުމަށް ބުރަދަން ނުދެވޭނެ ކަމަށް މުޙައްމަދު މުނީރު ބުނި ނަމަވެސް، މިބާވަތުގެ މައްސަލަތަކަކީ ސިއްރިއްޔާތުގައި ހިނގާ މައްސަލަތައް ކަމަށްވެފައި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު ވުޖޫދުވެފައިވަނީ މިޤާނޫނުގެ ދަށުން އުފުލޭ ދަޢުވާގެ މައްސަލަތަކުގައި އިތުރު ބާވަތުގެ ހެކި ހުއްދަކުރުމާއި، ބަލައިގަންނަ ހެކީގެ މިންގަނޑު ލުއިކުރުމަށްކަން އެ ޤާނޫނުގެ މަޤުޞަދަށް ބެލުމުން އެނގެއެވެ. އަދި މިބާވަތުގެ މައްސަލަތަކުގެ ތަބީޢަތުން، މުޅި ދަޢުވާ ސާބިތުކުރުން ބިނާވެފައިވަނީ ކުޑަކުއްޖާ ކިޔައިދޭ ކިޔައިދިނުމުގެ މައްޗަށެވެ.

13HN3ކުރިންވެސް ފާހަގަކުރެވުނު ފަދައިން، ކުޑަކުއްޖާ ކިޔައިދޭ ކިޔައިދިނުން މައްސަލައިގެ ދެންހުރި ހެއްކާ ކޮރޮބޮރޭޓްވޭތޯ ބެލުމުގައި، ކުޑަކުއްޖާގެ ހެކިބަހަކީ އާދަޔާ ޚިލާފަށް ޤަބޫލުކުރެވޭ ހެކިބަހެއްތޯ ނުވަތަ ނޫންތޯ ބެލުމުގައި ކުއްޖާގެ ހެކިބަސް އެތެރެފުށުންނާއި ބޭރުފުށުން އެއްގޮތްވޭތޯ ބެލެވިދާނެއެވެ. އަދި ޝަކުވާ އުފުލި ފަރާތުގެ އަޚްލާޤާއި ޢަމަލުތަކާއި، ކުއްޖާގެ އުޅުން ހުންނަ ގޮތުގެ މައްޗަށާއި، ކުއްޖާ މުއްތަހަމާބެހޭ ގޮތުން ޝަކުވާކުރުމުގައި އެއްވެސް ނުނިޔަތެއް އޮތްތޯ ބެލިދާނެއެވެ. އެހެންކަމުން، ކުޑަކުއްޖާ ކިޔައިދޭ ކިޔައިދިނުމަކީ މިބާވަތުގެ މައްސަލަތައް ސާބިތުކުރުމުގައި ރިއާޔަތްކުރެވޭ މައިގަނޑު ހެކިކަން އެނގެއެވެ. އަދި ކުޑަކުއްޖާ ކިޔައިދޭ ކިޔައިދިނުމަށް އެ މާއްދާގައި ބުނެފައިވާ ހެކި ޤަރީނާއިން ކޮރޮބޮރޭޓްވާނަމަ މިބާވަތުގެ މައްސަލަތައް ސާބިތުކުރުމަށް ފުދެއެވެ.

ހެކިބަސް އެތެރެފުށުން އެއްގޮތްވޭތޯ ބެލުން

14މި މައްސަލައިގައި ކުއްޖާ 22 ފެބްރުވަރީ 2014 ގައި ދީފައިވާ ބަޔާނުގައި 2011 ވަނަ އަހަރުން ފެށިގެން ކުއްޖާ އުޅެނީ ދޮންބައްޕަ ގޭގައި، ގޭގަކަމަށާއި، ކުއްޖާ ނިދަނީ މަންމަ އުޅޭ ކޮޓަރިއާ ޖެހިގެން ހުންނަ ކޮޓަރީގައި ވަކިން ކަމަށާއި، 2008 ވަނަ އަހަރު ކުއްޖާގެ އުމުރުން ގާތްގަނޑަކަށް 06 އަހަރުގައި ގޭގައި އުޅުނުއިރު އެއްދުވަހު ދައްތަގެ ފިރިމީހާ ނިޒާރުބެ، ކުއްޖާގެ ގައިގައި އަތްލައި ޖިންސީ ގޯނާކުރި ގޮތުގެ ތަފްޞީލު ކިޔައިދީފައިވެއެވެ. ދައްތަގެ ފިރިމީހާ އެކި ދުވަސްމަތިން އެއް އަހަރު ވަންދެން ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވެއެވެ. އަދި މި ވާހަކަ އެއްވެސް މީހެއް ކައިރީ ނުދައްކަން ކަމަށް ކުއްޖާ ބުނެފައިވެއެވެ. އަދި ކުއްޖާގެ އުމުރުން 08 އަހަރުގައި ގޭގައި އުޅެނިކޮށް އެއްދުވަހެއްގެ ހަވީރު ވަގުތެއްގައި ގއ. މާމެންދޫ، ޝާހިދު ކުއްޖާއަށް ކުރި ޖިންސީ ގޯނާގެ ތަފްޞީލު ކިޔައިދީފައިވެއެވެ. މި މީހާ ވެސް ތަފާތު އެކި ފަހަރު މަތިން ކުއްޖާއާ އެކު ޖިންސީ ގުޅުން ހިންގާފައިވާ ކަމަށް ކުއްޖާ ބުނެފައިވެއެވެ.

152011 ވަނަ އަހަރުގެ ތެރޭގައި ކުއްޖާ "ވިޒާ" ގޭގައި އުޅެމުން ދަނިކޮށް އެއްރޭ ހޭލެވުނީ މީހަކު ކުއްޖާއާ ބެހޭތީ ކަމަށް ކުއްޖާ ބުނެފައިވެއެވެ. ލޯހުޅުވާ ބަލާލިއިރު ހެދުން މަތިން ކުއްޖާގެ އުރަމަތީގައި މުޙައްމަދު މުނީރު ހިފައިގެން ހުރިކަމަށާއި، ކުއްޖާ ހަޅޭއްލަވަން އުޅުމުން ހަޅޭއްނުލަވާ މަޑުން އޮތުމަށާއި، އެކަމުގެ ފައިދާ ފަހުން ކުރާނެ ކަމަށް ބުނެފައިވެއެވެ. އަދި މުޙައްމަދު މުނީރު ކަންތައް ކުރާގޮތުގެ ވާހަކަ އެއްވެސް މީހެއް ކައިރި ނުދެއްކުމަށް ބުނިކަމަށާއި، ނަމަވެސް އެކަންތައް ނުކުރުމަށް މުޙައްމަދު މުނީރު ގައިގައި އަތްއަޅައި ކޮއްޕާ ހެދިކަމަށާއި، ގަދަ ދެއްކިނަމަވެސް ކުއްޖާ ލައިގެން ހުރި ޖަނގިޔާ ތެރެއަށް އަތްކޮށްޕައި މުޙައްމަދު މުނީރުގެ އިނގިލި ކުއްޖާގެ ކުރިމަތިފަރާތަށް ގައިގެ އެކިތަންތަނުގައި ހިފަމުން ދިޔަ ކަމަށް ބުނެފައިވެއެވެ. އެގޮތުން ހަފްތާއަކު 4 ރޭ މުޙައްމަދު މުނީރު ކުއްޖާއާމެދު އެގޮތަށް ކަންތައްކުރާ ކަމަށް ކުއްޖާ ބުނެފައިވެއެވެ. އެއަށްފަހު 2014 ވަނަ އަހަރުގެ ސްކޫލް ހުޅުވި ހަފްތާގެ ފަހުން، އެއް ރޭ ކުޑަ ކުއްޖާއާ އެކު މުޙައްމަދު މުނީރު ޖިންސީ ގުޅުން ހިންގި ކަމަށް ކުއްޖާ ބުނެފައިވެއެވެ. އަދި އެރޭގެ ހާދިސާ ވަރަށް ތަފްޞީލުކޮށް ކުއްޖާ ތަޙުޤީޤަށް ކިޔައި ދީފައިވެއެވެ.

162014 ފެބްރުވަރީ 19 ވަނަ ދުވަހުގެ ރެއާ ހަމައަށް ގާތްގަނޑަކަށް 10 ވަރަކަށް ފަހަރު މުޙައްމަދު މުނީރު ކުއްޖާއާއެކު ޖިންސީ ގުޅުން ހިންގާފައިވާ ކަމަށް ކުއްޖާ ބުނެފައިވެއެވެ. އަދި މި ވާހަކަތައް ކުއްޖާ އެއްވެސް މީހެއް ގާތުގައި ނުދެއްކީ ކުއްޖާ ލަދުގަންނާތީ ކަމަށާއި، މި ވާހަކަތައް ދެއްކުމުން މަންމަ ކުއްޖާ ދެކެ ރުޅިއައިސްދާނެތީ ކަމަށެވެ. މި ވާހަކަތައް ކިޔައިނުދީ ހުރުމަށްފަހު ބައެއް ވާހަކަތައް ކުއްޖާގެ ދައްތައަށް ކިޔައިދީފައިވާނެ ކަމަށާއި، އަދި ދައްތައަށް ކިޔައިދިން ފަހުން 2014 ފެބްރުވަރީ 20 ވަނަ ދުވަހުގެ ވަގުތެއްގައި ކުއްޖާގެ ހާޟިރުގައި ކުއްޖާއާމެދު މުޙައްމަދު މުނީރު ކުރި ކަންތަކާ ބެހޭގޮތުން ސުވާލުކުރުމުން އެ ކަންތަކަކީ މުޙައްމަދު މުނީރު ކުރި ކަންތައް ކަމަށް ދެން ދުވަހަކުވެސް ނުކުރާނެ ކަމަށް މުޙައްމަދު މުނީރު ބުނެފައިވާ ކަމަށް ބުނެފައިވެއެވެ. ކުއްޖާއަށް މައްސަރު ކަންތައް އެންމެ ފުރަތަމަ ޖެހުނީ 2014 ޖަނަވަރީމަސް ތެރޭގައި ކަމަށް ކުއްޖާ ބުނެފައިވެއެވެ.

17ކުއްޖާގެ ހެކިބަހަށް ބަލާއިރު، ކުއްޖާގެ އުމުރުން އެންމެ 6 (ހައެއް) އަހަރުން ފެށިގެން ކުއްޖާއަކީ ތަފާތު އެކި މީހުންގެ ޖިންސީ ޝިކާރައަކަށްވެފައިވާ ކުއްޖެއްކަން ފާހަގަކުރެވެއެވެ. މުޙައްމަދު މުނީރު ކުއްޖާއާމެދު ޢަމަލުކޮށްފައިވާ ގޮތް ކުއްޖާ ކިޔައިދީފައިވަނީ ވަރަށް ތަފްޞީލުކޮށެވެ. އެކި ހާދިސާތައް ކިޔައިދިނުމުގައި އެކި ތަފްޞީލު ދީފައިވެއެވެ. އެގޮތުން، މުޙައްމަދު މުނީރު އެންމެ ފުރަތަމަ ކުއްޖާއަށް ޖިންސީ ގޯނާ ކުރަން ފެށިއިރު މުޙައްމަދު މުނީރު ކުއްޖާގެ ގުނަވަންތަކުގައި ހިފައި އިނގިލި ކޮއްޕާ ހަދާ ވާހަކަ ކުއްޖާ ކިޔައިދީފައިވެއެވެ. އަދި 2014 ވަނަ އަހަރުގެ ގެ ސްކޫލް ހުޅުވުނު ހަފްތާއާ ހަމައަށް ހަފްތާއަކު 4 ދުވަހު ކުޑަކުއްޖާއަށް ޖިންސީ ގޯނާކުރާ ވާހަކަ ކުއްޖާ ބުނެފައިވެއެވެ. އަދި އޭގެ ފަހުން 2014 ވަނަ އަހަރު ސްކޫލް ހުޅުވުނު ހަފްތާގެ ފަހުން އެއްރޭ ޖިންސީ ގުޅުން ހިންގަން ފެށިގޮތާއި، އެފަހުން އެއީ ސިލްސިލާކޮށް މުޙައްމަދު މުނީރު ކުރާ ކަމެއްކަން ކުއްޖާ ކިޔައިދީފައިވެއެވެ.

18އުމުރުން 12 އަހަރުގެ ކުޑަ ކުއްޖެއް އޭނާގެ މަންމަ އިނދެގެން އުޅޭ މީހާއާ ބެހޭ ގޮތުން ހަޑި ހުތުރު ވާހަކަތަކެއް ދައްކަންޖެހޭ އެއްވެސް ސަބަބެއް ހުށަހެޅިފައިނުވެއެވެ. ކުއްޖާގެ ބަޔާނުން ކަން ހިނގާ ދިޔަ ގޮތް ކިޔައި ދީފައިވަނީ އެ އުމުރުގެ ކުއްޖަކަށް އެކަށީގެން ނުވާހާ ތަފްޞީލުކޮށެވެ.

ހެކިބަސް ބޭރުފުށުން އެއްގޮތްވޭތޯ ބެލުން

19ކުއްޖާ ކިޔައިދިން ކިޔައިދިނުމާއި، އޭނާ އެހެން މީހުންނަށް ކިޔައިދީފައިވާ ކިޔައިދިނުންތަކަށް ބަލާއިރު، މި މައްސަލައާ ގުޅިގެން ކުއްޖާގެ ދައްތަ ކްރިމިނަލް ކޯޓުގައި ދީފައިވާ ބަޔާނުގައި ބުނެފައިވަނީ ކުޑަކުއްޖާއަކީ އެއްބަނޑު ކޮއްކޮ ކަމަށާއި، ދޮން ބައްޕަ ކުއްޖާއާ ބެހުނު ވާހަކަ ކުޑަކުއްޖާ ބުނެފައިވާ ކަމަށާއި، ކުޑަކުއްޖާ އައިސް ވަރަށް ބޮޑު ވާހަކައެއް ދައްކަންވެފަ އެބައޮތް ކަމަށް ބުނި ކަމަށާއި، ކޮން ވާހަކައެއްހޭ އެހުމުން އެ ވާހަކަ ދައްކާކަށް ނުކުރޭނެ ކަމަށް ބުނި ކަމަށާއި، ދެން ދައްތަ އާދޭސްކުރުމުން ދޮންބައްޕަ ބެހޭ ވާހަކަ ކިޔައިދީފައިވާ ކަމަށް ބުނެފައިވެއެވެ. ކޮންގޮތަކަށްހޭ އެހުމުން ކުޑަކުއްޖާގެ ގުނަވަންތަކުގައި ހިފާ އިނގިލި ކޮށްޕާ ހަދާ ވާހަކަ ކިޔައިދިން ކަމަށް ކުއްޖާގެ ދައްތަ ކްރިމިނަލް ކޯޓުގައި ބުނެފައިވެއެވެ. އަދި ކުއްޖާގެ ބަޔާނުގައި ތަފްޞީލު ކޮށްފައި ހުރި ބައެއް ކަންކަން ހަމަ އެގޮތަށް ދައްތައަށް ކިޔައިދިންކަން ފާހަގަކުރެވެއެވެ. މި ވާހަކަ ކުއްޖާ ދެއްކީ ވޮލީ ކުޅެން ދިޔަ މަގުމަތީގައި ކަމަށާއި، މި ވާހަކަތައް މަންމައަށް ކިޔައިދިނުމުން މަންމަ މިވާހަކަތައް މުޙައްމަދު މުނީރު ކައިރީ އެހުމުން ފުރަތަމަ އެއްބަސްނުވި ކަމަށާއި، އޭރު އެނާ (ކުއްޖާގެ ދައްތަ) ހުރީ ތަންކޮޅެއް ދުރުގައި ކަމަށާއި، ކުޑަކުއްޖާ އައުމުން ދޮންބައްޕަ ކީކޭހޭ ބުނީ ބުނުމުން، ދެން ދުވަހަކުވެސް ނުބެހޭނަމޭ ބުނެ ﷲ ގަންދީ ހުވާކުރި ކަމަށް ކުއްޖާ ބުނި ކަމަށް ކުއްޖާގެ ދައްތަ ބުނެފައިވެއެވެ.

2024 ފެބްރުވަރީ 2016 ގައި ގއ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރގެ ސޯޝަލް ވޯކަރ މިލްމާ ފިކުރީ ކްރިމިނަލް ކޯޓަށް ދީފައިވާ ބަޔާނުގައި މި މައްސަލައާ ގުޅިގެން ހެދިފައިވާ ކުއްޖާއާ ގުޅޭ ރިޕޯޓު ހަދާފައިވަނީ މިލްމާ ފިކުރީ ކަމަށާއި، އެ ރިޕޯޓުގައިވަނީ ކުއްޖާއާ ސުވާލުކުރީމާ ޖަވާބުދިން ގޮތަށްކަމަށް ބުނެފައިވެއެވެ. ކުއްޖާއާ ބެހޭ ރިޕޯޓުގައި އެކި ފަހަރު މަތިން މުޙައްމަދު މުނީރު ކުއްޖާއަށް ޖިންސީ ގޯނާ ކުރި ގޮތުގެ ތަފްޞީލު ކިޔައިދީފައިވެއެވެ. ރިޕޯޓުގައިވެސް ކުއްޖާއާ ބެހުނު ގޮތް ކަމަށް ބުނެ ދީފައިވާ ތަފްޞީލާއި، ކުއްޖާ ތަޙުޤީޤަށް ދީފައިވާ ބަޔާނާ އެއްގޮތްކަން ފާހަގަކުރެވެއެވެ.

21ކުއްޖާއާ ގުޅޭ ރިޕޯޓު މިލްމާ ފިކުރީ ތައްޔާރުކުރީ ކުއްޖާއާ އެކު ވަގުތު ހޭދަކޮށް އެކި ދުވަސްމަތިން ކަމަށް މިލްމާ ފިކުރީ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވެއެވެ. އެގޮތުން، ކުއްޖާއަށް ރައްކާތެރި މާހައުލެއް ނުފެންނާތީ، 2014 ވަނަ އަހަރުގެ ފެބްރުވަރީ މަހުގެ 1 ހަފްތާ ކުއްޖާއާއެކު މިލްމާ ފިކުރީ ހޭދަކުރީ ގއ. ގެމަނަފުށީގައި ކުއްޔަށް ކޮޓަރިއެއް ނަގައިގެން ކަމަށާއި، 2014 ވަނަ އަހަރުގެ ފެބްރުވަރީ މަހުގެ އެސެސްމަންޓު ހަދާފައިވަނީ ކުއްޖާއާ އެކު ވަގުތު ހޭދަކޮށްގެން އެކި ފަހަރު މަތިން ކުއްޖާއާ ވާހަކަ ދައްކައިގެން ކަމަށް މިލްމާ ފިކުރީ ބުނެފައިވެއެވެ.

22ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރަށް ފާހަގަކުރެވުނު ކަންތައްތަކުގެ ތެރޭގައި، މި ވާހަކަތައް ކިޔައިދިނުމަށް ކުއްޖާ ވަރަށް ބިރުގަނެ، ހާސްވެފައި، އުދަނގޫވެފައި ވަގުތު ނެގި ކަމަށާއި، މި ވާހަކަތައް ކުރިން ކިޔައި ނުދިނީ ބިރުން ކަމަށާއި، އަދި އެއީ މަންމަ ރުޅިއައިސް ދާނެތީ ކަމަށް ބަޔާންކޮށްފައިވެއެވެ. ދިގު މުއްދަތެއްގެ ތެރޭގައި އެކި މީހުންގެ ފަރާތުން އަނިޔާ ލިބުމުން ކުއްޖާ ހުރީ ނަފްސާނީ ގޮތުން ބިރުގަނެފައިކަމަށާއި، ކުއްޖާގެ ކިޔެވުމަށް ވެސް އަސަރުކޮށްފައިވާ ކަމަށް ފާހަގަކޮށްފައިވެއެވެ. އަދި ކުއްޖާ މި ވާހަކަތައް ދެއްކުމުން، އެހެންމީހުން ކުއްޖާއާ ދޭތެރޭ ދެކޭގޮތް ތަފާތުވެ، އެހެންމީހުންގެ މަލާމާތާއި ފުރައްސާރަ ކުރިމަތިވާނެކަމަށް ކުއްޖާ އަމިއްލައަށް ގަބޫލުކުރާކަމަށް ވެސް އެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

23ކުއްޖާގެ ދައްތައަށް ކިޔައިދިން ވާހަކަތަކަށް ވުރެ މާ ތަފްޞީލުކޮށް މިލްމާ ފިކުރީއަށް ކުއްޖާ ވާހަކަ ކިޔައިދީފައިވެއެވެ. ކުއްޖާގެ ދައްތައަށް ވާހަކަ ކިޔައިދިންތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ދައްތަ ގޮސް މަންމައަށް އެ ވާހަކަ ކިޔައިދިނެވެ. އަދި މަންމަ މުޙައްމަދު މުނީރު ގާތު އެކަމާ ގުޅިގެން ސުވާލުކުރިއެވެ. އެސިސްޓެންޓް ސޯޝަލް ސަރވިސް ވަރކަރ މިލްމާ ފިކުރީއަށް ވާހަކަ ކިޔައިދީފައިވަނީ ކުއްޖާ ދިރިއުޅޭ ރަށް ނޫން އެހެން ރަށެއްގައި، ހަމަ އެކަނި ކުއްޖާއާއި މިލްމާ ފިކުރީ ހަފްތާއެއް ވާންދެން އެ ރަށުގައި ވަގުތު ހޭދަކުރިއިރުއެވެ. އެހެންކަމުން، ކުއްޖާގެ އުމުރުން 6 އަހަރުން ފެށިގެން ތަޙައްމަލު ކުރަމުން ދިޔަ ޖިންސީ ގޯނާގެ ވާހަކަތައް، ކުއްޖާއަށް ރައްކާތެރިކަމަށް އިހުސާސްކުރެވޭ މާޙައުލެއްގައި، ބިރުވެރިކަމެއް ނެތި ޙިއްސާކުރުމުގެ ފުރުޞަތު ލިބުމުން، އެ ރަށުގައި ކުއްޖާއާ މުޢާމަލާތްކުރި ފަރާތްތަކަށް އެ އަނިޔާތަކުގެ އިތުރު ތަފްޞީލު ކިޔައިދިނީކަމަށް ބެލެވެއެވެ.

24މި މައްސަލަ އެންމެ ފުރަތަމަ ހުށަހެޅުނީ ގއ. ގެމަނަފުށީ ޕޮލިސް ސްޓޭޝަނަށްކަމަށް ލާންސް ކޯޕްރަލް ޢަލީ ރިޔާޟް ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވެއެވެ. މި މައްސަލަ ތަޙުޤީޤުކުރީ ޢަލީ ރިޔާޟްއާއި ޕޮލިސް ސަރޖަންޓް މުޙައްމަދު ނައުޝާދުކަމަށާއި، މި މައްސަލަ ހުށަހެޅުނީ ކުޑަކުއްޖާގެ ދައްތަގެ ފަރާތުން ކަމަށާއި، ފުލުހުންގެ ތަޙުޤީޤަށް ކުއްޖާ ކިޔައިދީފައިވާ ގޮތުންނަމަ އޭރު ކުއްޖާ ދިރިއުޅެމުން ދިޔައީ ގޭގައި ކަމަށާއި، އެ ގޭގައި އުޅެމުން ދިޔައީ މުޙައްމަދު މުނީރުއާ ކުއްޖާގެ މަންމައާ ކުޑަކުއްޖާ ކަމަށާއި، އެއްކޮޓަރީގައި އުޅޭނީ މުޙައްމަދު މުނީރުއާ ކުޑަކުއްޖާގެ މަންމަ ކަމަށާއި، އަނެއް ކޮޓަރީގައި ކުޑަކުއްޖާ ކަމަށާއި، ކުޑަކުއްޖާ އުޅުނު ކޮޓަރީގެ ތަޅުދަނޑި އޮންނަނީ ކޮޓަރިން ބޭރުގައި ކަމަށާއި، ކުއްޖާއަށް ރޭގަނޑުގެ ވަގުތުތަކުގައި ހޭލެވެނީ ކޮންމެވެސް މީހެއް އޭނާގެ ހަށިގަނޑުގެ އެކި ތަންތަނުގައި އަތްލާ ހަދާތީ ކަމަށާއި، ބަލާލާއިރު މުޙައްމަދު މުނީރު ކުއްޖާގެ ގައިގެ އެކި ތަންތަނުގައި އަތްލަނީ ކަމަށާއި، އެގޮތުން މުޙައްމަދު މުނީރުގެ ޖިންސީ އެދުން ފުއްދާ، ކުއްޖާއާއެކު ޖިންސީގުޅުން ވެސް ހިންގާފައިވާކަން ކުއްޖާ ތަޙުޤީޤަށް ކިޔައިދީފައިވާކަމަށް ލާންސް ކޯޕްރަލް ޢަލީ ރިޔާޟް ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވެއެވެ. އަދި މި ވާހަކަ ނުދެއްކުމަށް މުޙައްމަދު މުނީރު ކުއްޖާއަށް ބިރު ދެއްކި ކަމަށް ބުނެފައިވެއެވެ. އެހެންވެ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު އިރުވެސް ކުއްޖާ ހުރީ ބިރުން ކަމަށް ލާންސް ކޯޕްރަލް ޢަލީ ރިޔާޟް އިތުރަށް ފާހަގަކޮށްފައިވެއެވެ.

25މި މައްސަލައާ ގުޅިގެން ކުއްޖާގެ މެޑިކޯލީގަލް ރިޕޯޓަށް ތައްޔާރުކޮށްފައިވަނީ 21 ފެބްރުވަރީ 2014 ގައެވެ. ކުއްޖާގެ މެޑިކޯ ރިޕޯޓުގެ ސިއްހީ ތަފުޞީލް ނުވަތަ ހިސްޓްރީގައި ކުއްޖާގެ މައުލޫމާތު ނަގާފައިވަނީ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގެ މިލްމާގެ ހާޒިރުގައިކަމާއި، އުމުރުން 6 (ހައެއް) އަހަރުން ފެށިގެން އެކި މީހުންނާއެކީ ޖިންސީ ޢަމަލު ހިންގުމުގައި ބައިވެރިވިކަމަށް ކުއްޖާ ބުނެފައިވާ ކަމަށާއި، އޭނާ ބައެއް މީހުންގެ ނަންތައް ބަޔާންކޮށްފައިވާ ކަމަށާއި، އެއީ ޝާހިދު، ނިޒާރު، ސިރާޖު އަދި ދޮންބައްޕަ ކަމަށާއި، ދޮން ބައްޕަ ފިޔަވައި އެހެންމީހުނާއެކު ޖިންސީ ގުޅުން ހިންގާފައިވާ ކަމަށް ކުއްޖާ ބުނެފައިވާ ކަމަށާއި، ދޮންބައްޕަ އޭނާގެ އުރަމަތީގައާއި ކުރިމަތިފަރާތުގައި އަނގަޖަހައި ބޮއެ އަދި ކުރިމަތި ފަރާތަށް އިނގިލި ކޮށްޕާފައިވާ ކަމަށާއި އަދި ދަށްބަނޑުކޮޅަށް ދަރިފަނި އަޅާފައިވާ ކަމަށް ބުނެފައިވާ ކަމަށް އޮވެއެވެ. އަދި މި މައްސަލައިގައި އާދަޔާ ޚިލާފު އިތުރު ކަމެއްގެ ގޮތުގައި ކުއްޖާގެ ބިކުރު ކަނޑައިގެން ގޮސްފައިވާކަމާއި ކުރިމަތި ފަރާތުން ދިޔާ ތަކެތި ފެނިފައިވާ ކަމާއި އަދި ކުރިމަތިފަރާތު ދޮރާ ދިމާލުން ވަކި އެޅިފައި އަދި ހަލާކުވެފައިވާ ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި ކުއްޖާއަށް ޖިންސީ ހާނިއްކަ ލިބިފައިވާކަމަށް ޑައިގްނޯސްކޮށްފައިވެއެވެ.

26މެޑިކޯލީގަލް ރިޕޯޓުގައި އުމުރުން 6 އަހަރުން ފެށިގެން އެކި މީހުނާއެކު ޖިންސީ ގުޅުން ހިންގުމުގައި ބައިވެރިވެފައިވާ ކަމަށް ފާހަގަކޮށްފައިވާ ކަމަށާއި، މީގެ އިތުރުން، ކުއްޖާއަށް ޖިންސީ ގޯނާކޮށްގެން ކުއްޖާގެ ބޭބެގެ މައްޗަށް ވެސް ކުށް ސާބިތުވެފައިވާ ކަމަށާއި އެހެންކަމުން، ރިޕޯޓުން ފާހަގަވާން ހުރި ކަންކަމަކީ މުޙައްމަދު މުނީރު ކުރިކަމަށް ދައުލަތުން ބުނާ ޢަމަލު ހިނގިކަމުގެ މައްޗަށް އެކަށީގެންވާ ޝައްކެއްނެތި ގުޅުވައިލެވެން އޮތް ހެއްކެއް ނޫން ކަމަށް މުޙައްމަދު މުނީރުގެ ފަރާތުން ބުނެއެވެ.

27HN4ކުއްޖާގެ މެޑިކޯލީގަލް ރިޕޯޓުގެ ބޭނުމަކީ ކުއްޖާއަށް ޖިންސީ އަނިޔާއެއް ލިބިފައިވާކަން ދެނެގަތުމެވެ. އެގޮތުން މެޑިކޯ ލީގަލް ރިޕޯޓުން މައިގަނޑު ދެ ކަމެއް އަންގައިދެއެވެ. ފުރަތަމަ ކަމަކީ، ސިއްޙީ މާހިރުއަށް ކިޔައިދީފައިވާ ހިސްޓްރީ ބަޔާންކުރުމުން އެފަރާތަށް ފާހަގަކުރެވޭ ކަންކަން (observations) ބަޔާންކުރުމެވެ. ދެވަނަ ކަމަކަށް ރިޕޯޓުގައި ބަޔާންކުރަނީ ސިއްޙީ މާހިރުގެ ރައުޔު (expert opinion) އެވެ. އަދި ކުއްޖާއަށް ޖިންސީ އަނިޔާއެއް ލިބިފައިވާކަން މެޑިކަލް ރިޕޯޓުން ދައްކާނަމަ އެއީ ކުއްޖާ ބުނާ ބުނުމަށް ބާރު ލިބިދޭ ވަސީލަތެއްކަން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގެ ބޭނުމަށް ފުދެއެވެ.

28ކުއްޖާގެ މެޑިކޯ ލީގަލް ރިޕޯޓު ހަދާފައިވަނީ 21 ފެބްރުވަރީ 2014 ގައެވެ. މުޙައްމަދު މުނީރު ކުއްޖާ އެންމެ ފަހުން ރޭޕްކޮށްފައިވަނީ 19 ފެބްރުވަރީ 2014 ގައި ކަމަށް ބަޔާންތަކުން އެނގެއެވެ. އެހެންކަމުން، މެޑިކޯ ލީގަލް ރިޕޯޓު ތައްޔާރުކޮށްފައިވަނީ ކުއްޖާއަށް ސިލްސިލާކޮށް ޖިންސީ އަނިޔާކުރަމުން އައިސް، ކުއްޖާއަށް އެންމެ ފަހުން އަނިޔާ ކުރި ތާރީޚުގެ 1 ދުވަސް ފަހުންނެވެ. މެޑިކޯ ލީގަލް ރިޕޯޓުގައި ކުއްޖާގެ ބިކުރު ކަނޑައިގެން ގޮސްފައިވާކަމަށާއި ކުރިމަތިފަރާތުން ދިޔާ ތަކެތި ފެނިފައިވާ ކަމާއި އަދި ކުރިމަތި ފަރާތު ދޮރާ ދިމާލުން ވަކި އެޅިފައި އަދި ހަލާކުވެފައިވާ ކަމަށް ފާހަގަކޮށްފައިވެއެވެ. ވަކިއެޅި ހަލާކުވެފައިވާ ކަމަށް ފާހަގަކޮށްފައިވުމުން މިއީ ފަހުން ލިބުނު އައު އަނިޔާއެއް ކަމަށް ޤަބޫލުކުރެވެއެވެ. އަދި ކުއްޖާއަށް މުޙައްމަދު މުނީރު ޖިންސީ އަނިޔާކުރަމުން އައިސްފައިވަނީ 2011 އިން ފެށިގެން ކަމަށް ކުއްޖާ ބުނާއިރު، އަދި 2014 ފެބްރުވަރީ މަހުގެ އެކި ދުވަސްތަކުގައި ތަކުރާރުކޮށް ޖިންސީ އަނިޔާ ކުރަމުން އައިސްފައިވާ ކަމަށް ކުއްޖާ ކިޔައިދީފައިވާ ކިޔައިދިނުމާ، މެޑިކޯލީގަލް ރިޕޯޓުން ފާހަގަވާން މިހުރި ކަންކަމާއި ގުޅުވާލެވެއެވެ. އެހެންކަމުން، މުޙައްމަދު މުނީރު ކުއްޖާއާމެދު ޖިންސީ އަނިޔާކޮށްފައިވާ ކަމަށް ކުއްޖާ ބުނާ ބުނުމަށް ކުއްޖާގެ މެޑިކޯލީގަލް ރިޕޯޓުން އިތުރަށް ބާރު ލިބެއެވެ.

29މުޙައްމަދު މުނީރު ކުއްޖާއަށް ޖިންސީ އަނިޔާކޮށްފައިވާކަމަށް ބުނެ ކުއްޖާ ވަރަށް ތަފުޞީލުކޮށް ކިޔައިދީފައިވާކަން ފާހަގަކުރެވެއެވެ. އަދި ކުއްޖާއާމެދު މުޙައްމަދު މުނީރު ކަންތައް ކުރިގޮތުގެ ތަފުޞީލު ކުއްޖާ ކިޔައިދިންއިރު، ބޭނުންކޮށްފައިވާ އިބާރާތަށް ބަލާއިރު މިއީ ކުއްޖާއާމެދު މި ކަންތައް ހަމަ ޙަޤީޤަތުގައިވެސް ހިނގާފައިނުވާނަމަ، ބޭނުންކުރާނެ ފަދަ އިބާރާތްތަކެއް ކަމަށް ޤަބޫލުނުކުރެވެއެވެ. އެގޮތުން ކުއްޖާއާމެދު މުޙައްމަދު މުނީރު ޖިންސީ ޢަމަލު ހިންގިގޮތުގެ ތަފުސީލު އަކުރުން އަކުރަށް ކިޔައިދީފައިވާތީ މި ކަމަށް ބާރުލިބެއެވެ.

30މީގެ އިތުރުން މުޙައްމަދު މުނީރު މި މައްސަލައިގެ ތަޙުޤީޤަށް ދީފައިވާ ބަޔާނުގައި، ކުއްޖާއަށް ޖިންސީ ގޯނާކޮށްފައި ނުވާނެ ކަމަށް ބުނި ނަމަވެސް، އެއް ދުވަހެއްގެ ހެނދުނު 5.45 ކަން ހާއިރު ކުއްޖާގެ މަންމަ ގދ. ގައްދޫއަށް ފުރުވާލުމަށްފަހު، ކުއްޖާ ނިދާފައި އޮތުމުން ކުއްޖާއަށް ގޮވުމަށްޓަކައި ކުއްޖާގެ ފޫކޮޅުގެ މަސްގަނޑުގައި މަޑުމަޑުން އެއް ފަހަރު ޖެހުމަށްފަހު ތެދުވުމަށް ބުނުމަށްފަހު، މުޙައްމަދު މުނީރު ދިޔައީ އަތިރިމައްޗަށް ކަމަށް ބުނެފައިވެއެވެ.

31މިކަމާ ގުޅޭ ގޮތުން ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި މުޙައްމަދު މުނީރު ވާހަކަ ދައްކާފައި ނުވާކަން ފާހަގަކުރަމެވެ. އެހެންނަމަވެސް މުޙައްމަދު މުނީރު ދީފައިވާ މި ބަޔާނާއި، ކުޑަކުއްޖާ ދައްކާފައިވާ ވާހަކަތަކާ ދިމާވާކަން ފާހަގަކުރެވެއެވެ.

32މި މައްސަލައިގައި ކުއްޖާގެ ދައްތައާއި ސޯޝަލް ވޯކަރ މިލްމާ ފިކުރީއާއި ޕޮލިސް ލާންސް ކޯޕްރަލް ޢަލީ ރިޔާޟް ދައްކާފައިވާ ވާހަކަތަކާއި، ކުއްޖާ ކިޔައިދީފައިވާ ކިޔައިދިނުމާ މާ ބޮޑު ފުށުއެރުންތަކެއް ނެތެވެ. އެހެންކަމުން، ކުއްޖާގެ ހެކިބަސް ބޭރުފުށުންވެސް އެއްގޮތްކަމަށް ބަލަންޖެހެއެވެ. އަދި ކުއްޖާ ދައްކާފައިވާ ވާހަކަތަކަށް ކުއްޖާގެ މެޑިކޯލީގަލް ރިޕޯޓުން އިތުރަށް ބާރު ލިއްބައިދެއެވެ.

ކުއްޖާ ހަދައިގެން ދައްކާ ވާހަކައެއްކަމަށް ބުނާ ބުނުމާއި ކުއްޖާގެ "އަޚުލާޤު"

33ކުއްޖާގެ ޙާލަތު ބަޔާންކުރާ ރިޕޯޓުގައި ކުއްޖާއަށް ދިގު މުއްދަތެއްގެ ތެރޭގައި އެކި މީހުންގެ ފަރާތުން އަނިޔާލިބުމުން ކުއްޖާ ހުރީ ނަފްސާނީ ގޮތުން ބިރުގަނެ، ކުއްޖާގެ ކިޔެވުމަށް އަސަރުކޮށްފައިވާ ކަމަށް ބަޔާންކޮށްފައިވެއެވެ. ނަމަވެސް މި ކަމަކީ ސީދާ މުޙައްމަދު މުނީރު ކުރި ޢަމަލަކުން ދިމާވެފައިވާ ކަމެއް ކަމަށް ގުޅުވުމުގައި ފާޅުކަން ބޮޑުގޮތެއްގައި ޝައްކު އުފެދިފައިވާ ކަމަށް މުޙައްމަދު މުނީރުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބުނެފައިވެއެވެ.

34ކުއްޖާގެ ޙާލަތު ބަޔާންކުރާ ރިޕޯޓުގައި ކުއްޖާއަށް މުޙައްމަދު މުނީރުގެ ފަރާތުން ޖިންސީ އަނިޔާ ލިބިފައިވާ ކަމަށް ކުއްޖާ ކިޔައިދީފައިވާ ކަމަށް އޮވެއެވެ. އަދި ނަފްސާނީ ގޮތުން އަސަރުކޮށްފައިވަނީ އެކި މީހުންގެ ފަރާތުން ޖިންސީ އަނިޔާލިބުމުންކަން އެނގެއެވެ. އެހެންކަމުން ކުއްޖާއަށް ޖިންސީ އަނިޔާދިން އެއްފަރާތަކީ މުޙައްމަދު މުނީރުކަމަށް ކުއްޖާ ބުނުމާއި، ކުއްޖާއަށް ޖިންސީ އަނިޔާލިބިފައިވުމުގެ ސަބަބުން ކުއްޖާއަށް ނަފްސާނީގޮތުން އަސަރުކުރުމާއި ގުޅިގެންދެއެވެ. ކުއްޖާއަށް ނަފްސާނީގޮތުން އަސަރުކުރާނީ ހަމައެކަނި ވަކި މީހަކު ޖިންސީ އަނިޔާކޮށްގެންނެއްނޫނެވެ. އެކި މީހުންގެ ފަރާތުން ޖިންސީ އަނިޔާ ލިބިފައިވާނަމަ، ނަފްސާނީގޮތުން ބޮޑަށް އަސަރުކުރުން އެކަށީގެންވެއެވެ. މުޙައްމަދު މުނީރުގެ ފަރާތުން ޖިންސީ އަނިޔާލިބުމުން ނަފުސާނީގޮތުން އަސަރުނުކޮށް، ނަފްސާނީގޮތުން އަސަރުކޮށްފައިވަނީ އެހެން މީހުންގެ ފަރާތުން ޖިންސީ އަނިޔާ ލިބުމުންކަމަށް ބެލުމަކީ ދެކޮޅުޖެހޭކަމެއް ނޫނެވެ. އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ، އެ އުމުރުގައި މިފަދަ ފާހިޝް ޢަމަލުތަކުން ކުއްޖާއަށް ރައްކާތެރިކަން ހޯދަދޭން ހުރި އެއް ފަރާތް ކަމުގައިވާ ކުއްޖާއާ އެކު ދިރިއުޅެމުން ގެންދިޔަ ކުއްޖާގެ ދޮންބައްޕަގެ ކިބައިން މި ނުރައްކަލާއި ބިރުވެރިކަން، ދުވަހުން ދުވަހަށް، އެއް ރެއިން އަނެއް ރެއަށް، ނިކަމެތި ކުޑަކުއްޖާ ތަޙައްމަލު ކުރަންޖެހުމަކީ ހިތްދަތިކަމެކެވެ. އަދި ކުއްޖާގެ މުޅި އުމުރު ދުވަހަށް ނަފްސާނީ ގޮތުން ލަކުނުލާނެ ކަމެކެވެ.

35މުޙައްމަދު މުނީރުއާމެދު ކުއްޖާ ވާހަކަ ހަދައިގެން ދައްކާނެ ކަމަށް ބުނެ މުޙައްމަދު މުނީރު ސުޕްރީމް ކޯޓުގައި ބުނެފައިވަނީ، ކުއްޖާ މަންމައާމެދު ފޫހިވެ މަންމަ ދެކެ ރުޅިއައިސްފައިވާ ކަމަށާއި، މަންމަ ރުޅި އައިސްދާނެތީ މަންމައާ ކަންކަން ހިއްސާކުރުމަށް ކުއްޖާ ބިރުގަންނަ ކަމަށް ލިޔެކިޔުންތަކުން އެނގެން އޮންނާތީ، މިކަންކަން ގުޅިފައިވަނީ މުޙައްމަދު މުނީރުއާކަން އެނގެން އޮތުމުން، މުޙައްމަދު މުނީރުއާބެހޭ ވާހަކަ ހަދައިގެން ދައްކާނެ ކަމުގެ އިޙުތިމާލު އޮތްކަމަށެވެ.

36ކުއްޖާގެ މަންމަދެކެ ކުއްޖާ ރުޅި އަންނަނަމަ، އެ ރުޅިވެރިކަން މުޙައްމަދު މުނީރުގެ މައްޗަށް ފޭދިގެންދާ ގޮތް މުޙައްމަދު މުނީރަށް ބުނެދެވިފައިނުވެއެވެ. އަދި ކުއްޖާ މުޙައްމަދު މުނީރުއާމެދު ހިތްހަމަ ނުޖެހެނީ ކުއްޖާގެ ބައްޕައާއި މަންމަ ވަރިވުމަށްފަހު، ކުއްޖާގެ މަންމަ މުޙައްމަދު މުނީރުއާ ކައިވެނި ކުރުމުންކަމަށް މުޙައްމަދު މުނީރު ބުނި ނަމަވެސް، 2011 ވަނަ އަހަރުން ފެށިގެން ކުއްޖާގެ އުމުރުން އެންމެ 9 އަހަރުން ފެށިގެން މުޙައްމަދު މުނީރު ކުއްޖާއަށް ޖިންސީ ގޯނާކުރަމުންދާ ކަމަށް ކުއްޖާ ބުނެފައިވެއެވެ. މުޙައްމަދު މުނީރު ކުއްޖާގެ މަންމައާ ކައިވެނި ކުރުމުން އެކަމާ ކުއްޖާ ރުޅި އަންނަންވީ ދޮންބައްޕަގެ ގޭގައި ދިރިއުޅޭތާ 3 އަހަރަށްވުރެ ގިނަ ދުވަސްވީ ފަހުންކަން ޤަބޫލެއް ނުކުރެވެއެވެ. އަދި ކުއްޖާއަށް ޖިންސީ ގޯނާކުރި ކަމަށް ކުއްޖާ ބުނާ ތާރީޚުގެ އެއް ދުވަސް ފަހުން ހަދާފައި މެޑިކޯލީގަލް ރިޕޯޓުގައި، ކުއްޖާގެ ކުރިމަތިފަރާތުގައި ދާދި ފަހުން ވަކިއަޅައި، އުފެދިފައިވާ އަނިޔާތަކެއް ހުރިކަމަށް ބަޔާންކޮށްފައިވާއިރު، ކުއްޖާ ބުނެފައިވަނީ ހަމަ ޙަޤީޤަތުގައިވެސް ހިނގާފައިވާ ކަންތައްތަކެއްގެ ވާހަކަކަން ޤަބޫލުކުރެވެއެވެ. މީގެ އިތުރުން، ކުއްޖާ މުޙައްމަދު މުނީރު ދެކެ ރުޅި އަންނަކަމަށް ކްރިމިނަލް ކޯޓުގައި ބުނެފައިނުވާކަން ފާހަގަކުރެވެއެވެ.

37ކުއްޖާ މި ވާހަކަތައް ދެއްކުމުން، އެހެންމީހުން ކުއްޖާއާ ދޭތެރޭ ދެކޭގޮތް ތަފާތުވެ، އެހެންމީހުންގެ މަލާމާތާއި ފުރައްސާރަ ކުރިމަތިވާނެކަމަށް ކުއްޖާ އަމިއްލައަށް ގަބޫލުކުރާކަމަށް ފެމިލީ އެންޑް ޗިލްޑްރަން ސަރވިސްގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެހެންކަމުން، މި ކަމުގެ ސަބަބުން ކުއްޖާއާ ދޭތެރޭ މީހުން ދެކޭނެ ގޮތާމެދު ކުއްޖާ ވިސްނާކަން އެނގެއެވެ. އަދި މިވާހަކަތައް މި ދެކެވެނީ ކުއްޖާގެ ދޮންބައްޕައާމެދު ކަމަށް ވާތީ، މި ވާހަކަތައް ކިޔައިދިނުމަށް ކުއްޖާ ޖެހިލުންވާކަން ކުއްޖާ މިވާހަކަތައް ކުރިން ކިޔައި ނުދިނީ ބިރުން ކަމަށާއި، މަންމަ ރުޅިއައިސްދާނެތީކަމަށް ކުއްޖާއާ ގުޅޭ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި ފުލުހުންގާތު ވެސް ކުއްޖާ ބުނެފައިވަނީ އެއްވެސް އެއްޗެކޭ ނުބުނެހުރީ ބިރުން ކަމަށެވެ. ތަކުރާރުކޮށް ކުއްޖާއާމެދު ޖިންސީ އަނިޔާލިބެމުންދާއިރު މި ވާހަކަތައް ސިއްރުކޮށްގެން ހުރުމަކީ މި ވާހަކަ ދެއްކުމުގައި ކުއްޖާގެ ނުބައި ނިޔަތެއް ނެތް ކަމަށް އިތުރަށް ބާރު ލިބިގެންދާ ކަމެކެވެ.

38މުޙައްމަދު މުނީރަކީ ކުއްޖާގެ ދޮންބައްޕައެވެ. އަދި ކުއްޖާއާއި އޭނާގެ މަންމައާ އެކު މުޙައްމަދު މުނީރު ދިރިއުޅެމުން ދިޔައީ އެއް ގެއެއްގައެވެ. އާއިލީ ގުޅުމަށް ބަލާއިރު ގާތްގުޅުމެކެވެ. މި ފަދަ ގުޅުމެއް އޮތްއިރު، ކުއްޖާގެ ރުޅިވެރިކަމެއް އޮތްކަމަށް ބުނެ މުޙައްމަދު މުނީރުގެ ފަރާތުން މިފަދައިން ބުނާ ބުނުން ފިޔަވައި މުޙައްމަދު މުނީރުއާމެދު ކުއްޖާ މިފަދަ ރުޅިވެރިކަމެއް އޮންނަންވީ ސީދާ ސަބަބެއް ބުނެދެވިފައިނުވެއެވެ. އަދި މިފަދަ ސަބަބެއް އޮތްކަން ސާބިތުކުރަން އެއްވެސް ހެއްކެއް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވެސް ނުވެއެވެ.

39އެހެންކަމުން، މި މައްސަލައިގައި ހުށަހެޅުނު ހެއްކަށް ރިޢާޔަތްކޮށް މުޙައްމަދު މުނީރުގެ މައްޗަށް ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާ އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ކުށް ސާބިތުވާކަމަށް ހައިކޯޓުގެ ނަންބަރު 2018/HC-A/234 ގަޒިއްޔާގައި ކަނޑައަޅާފައިވަނީ ޤާނޫނީ އުސޫލުތަކާ އެއްގޮތަށް ކަމަށް އަހުރެން ދެކެމެވެ.

40ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު

41މި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންވެ ދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމުން، ކްރިމިނަލް ކޯޓުގެ ނަންބަރު 274/Cr-C/2015 ގަޒިއްޔާގައި މުނީރުގެ މައްޗަށް ޤާނޫނު ނަންބަރު 2009/12 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ހ) ގެ ދަށުން އިތުބާރު ކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުން މުޙައްމަދު މުނީރު ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، ކުށުގެ އުޤޫބާތެއްގެ ގޮތުން ބުނެވުނު މާއްދާގެ (ށ) ގެ ދަށުން 15 (ފަނަރަ) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކޮށްފައިވާ ޙުކުމަށް ތާއީދުކޮށް، އިސްތިއުނާފު ކުރެވޭ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/234 ގަޒިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތް ކަމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.

މި ގަޒިއްޔާ ބަލައި ޙުކުމް ކުރީ:

މަޙާޒު ޢަލީ ޒާހިރުއަޒްމިރާލްދާ ޒާހިރުޙުސްނުއްސުޢޫދު(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 1 ވަނަ މާއްދާގެ (ހ)
  • ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ހ) އަދި (ށ)
  • ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 47 ވަނަ މާއްދާ
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ)
  • ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުޚްތާރު (ސުޕްރީމް ކޯޓު)
  • ދިވެހި ދައުލަތް (އެޓަރނީ ޖެނެރަލްގެ އޮފީސް) ވ. ޢަލީ ޝާހް (ސުޕްރީމް ކޯޓު)
  • ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/40 ޤަޟިއްޔާ

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ