ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
[2021] SC 02 · 2020/SC-A/40

މުޙައްމަދު މުނީރު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ސުޕްރީމް ކޯޓުދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
9 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 11 ޖަނަވަރީ 2021ދަށު ކޯޓު: ކްރިމިނަލް ކޯޓު (275/Cr-C/2015)ބާވަތް: ޖިނާއީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
2018/HC-A/239، 275/Cr-C/2015
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 9 ވަނަ މާއްދާގެ (ހ) ގެ ދަށުން އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުން، ކްރިމިނަލް ކޯޓުގެ 275/Cr-C/2015 ޤަޟިއްޔާއިން މުޙައްމަދު މުނީރު ކުށްވެރިކޮށް 15 އަހަރު ޖަލަށްލުމަށް ޙުކުމްކުރިއެވެ. ހައިކޯޓުގެ 2018/HC-A/239 ޤަޟިއްޔާއިން އެ ޙުކުމަށް ތާއީދުކުރިއެވެ. މުޙައްމަދު މުނީރު ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރިއެވެ.
ވާޤިޢާ
މުޙައްމަދު މުނީރަކީ 12 އަހަރުގެ ކުއްޖާގެ ދޮންބައްޕައެވެ. 2014 ވަނަ އަހަރުގެ ޑިސެންބަރު މަހުން ފެށިގެން އޭނާގެ ގޭގައާއި، ކުއްޖާގެ ދައްތަގެ ގޭގައާއި، ކުއްޖާގެ ބައްޕަގެ ގޭގައި ކުއްޖާ އެކަނި ހުއްޓާ، ތަފާތު ފަހަރުމަތިން ކުއްޖާގެ ކުރިމަތި ފަރާތަށް އިނގިލި ކޮއްޕާފައިވާ ކަމަށް ދަޢުވާކުރިއެވެ. 9 ފެބްރުވަރީ 2015 ގައި ކުއްޖާ މި ވާހަކަ ދައްތައަށް ކިޔައިދިނެވެ. މީގެ ކުރިން 2014 ގެ ކުރީކޮޅުވެސް ކުއްޖާއާ ގުޅޭ ހާދިސާއަކާ ގުޅިގެން އޭނާ ހައްޔަރުކޮށްފައިވިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގައިވާ ފަސް ބާވަތުގެ ހެކި ފުރިހަމަނުވިޔަސް، އެހެން ހެކިތަކުން ކޮރަބޮރޭޓްވާ ކުއްޖާގެ ހެކިބަހުގެ މައްޗަށް ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައިވާ މިންވަރަށް ކުށް ސާބިތުވެދާނެތޯ؟
ޚަޞްމުންގެ ހުށަހެޅުންތައް
މުޙައްމަދު މުނީރު ބުނީ، ހައިކޯޓުގެ ޙުކުމަކީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އާ ޚިލާފު ޙުކުމެއް ކަމަށާއި، ހެކިންގެ ބަސް ބިނާވަނީ ކުއްޖާ ކިޔައިދިން ވާހަކައިގެ މައްޗަށް ކަމަށާއި، މަންމައާ ރުޅިވެރިވެފައިވާތީ ކުއްޖާ ވާހަކަ ހަދައިގެން ދައްކާކަމުގެ އިޙުތިމާލު އޮތް ކަމަށާއި، މެޑިކޯލީގަލް ރިޕޯޓުގައިވާ ގެއްލުމަކީ އެހެން މީހެއްގެ ޢަމަލެއްގެ ސަބަބުން ވެދާނެ ކަމެއް ކަމަށެވެ. ދައުލަތުން ބުނީ، މި ދިފާޢު ކްރިމިނަލް ކޯޓުގައާއި ހައިކޯޓުގައި ނަގާފައިނުވާ ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ސުޕްރީމް ކޯޓުން ކަނޑައެޅީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގައިވާ ހެކިތަކަކީ ކުއްޖާގެ ހެކިބަސް ކޮރަބޮރޭޓްކުރާ ވަސީލަތްތައް ކަމަށާއި، ކުއްޖާގެ ހެކިބަސް އެތެރެފުށުންނާއި ބޭރުފުށުން އެއްގޮތްވާނަމަ ކުށް ސާބިތުކުރުމަށް ފުދޭ ކަމަށެވެ. ކުއްޖާގެ ބަޔާން ދައްތަގެ ބަހާއި، ސޯޝަލް ސަރވިސް ވޯކަރުގެ ރިޕޯޓާއި، ފުލުހުންނަށް ދިން ބަޔާނާއި، މުނީރުގެ އަމިއްލަ ބަޔާނާ އެއްގޮތްވާކަމާއި، މެޑިކޯލީގަލް ރިޕޯޓުން ޖިންސީ އަނިޔާ ލިބިފައިވާކަމަށް ބާރުލިބޭ ނަމަވެސް އެ ރިޕޯޓުން ވަކި މީހަކު ދައްކައިނުދޭ ކަމާއި، ކުއްޖާ ވާހަކަ ހަދައިގެން ދައްކާކަމުގެ ސަބަބެއް ނެތްކަމާއި، ފަސް ބާވަތުގެ ހެކި ނެތުމަކީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގެ ދަށުން ކުށް ސާބިތުވުމަށް ހުރަހެއް ނޫން ކަމާއި، އެހެންކަމުން ހައިކޯޓުގެ ޙުކުމަށް އިއްތިފާޤުން ތާއީދުކުރިއެވެ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

ހައިކޯޓުގެ ޙުކުމް ޤާއިމް (އިއްތިފާޤުން)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކުރާ ބާވަތްތަކުގެ ހެއްކަކީ އެއް ހެކި އަނެއް ހެއްކާ ވަކިން ރިޢާޔަތްކުރަން ހުރި ހެކި ތަކެއް ނޫން ކަމަށް ކަނޑައަޅާފައިވެއެވެ. އެ މާއްދާގެ ދަށުން ހުށަހެޅޭ ހެކިތަކަކީ އެކަތި އަނެކައްޗާ ގުޅިފައިވާ، ކުއްޖާގެ ހެކިބަހުގެ ޞައްޙަކަން ކަނޑައެޅުމަށްޓަކައި ޤާނޫނުން ބަލައިގަންނަ ވަސީލަތްތަކެކެވެ. މައްސަލައިގައި ކުޑަކުއްޖާ ދީފައިވާ ހެކިބަހަކީ އާދަޔާ ޚިލާފަށް ޤަބޫލުކުރެވޭ ހެކިބަހެއް ކަމުގައިވާނަމަ، އެ ހެކި ބަހުގެ މައްޗަށް ދަޢުވާ ސާބިތުކުރެވިދާނެއެވެ.

HN2 ކުޑަކުއްޖާގެ ހެކިބަހަކީ އާދަޔާ ޚިލާފަށް ޤަބޫލުކުރެވޭ ހެކިބަހެއްތޯ ނުވަތަ ނޫންތޯ ބެލުމުގައި ކުއްޖާގެ ހެކިބަސް އެތެރެފުށުންނާއި ބޭރުފުށުން އެއްގޮތްވޭތޯ އާއި ޝަކުވާ އުފުލި ފަރާތުގެ އަޚުލާޤާއި ޢަމަލުތަކާއި، ކުއްޖާގެ އުޅުން ހުންނަ ގޮތުގެ މައްޗަށާއި، ކުއްޖާ މުއްތަހަމާބެހޭ ގޮތުން ޝަކުވާކުރުމުގައި އެއްވެސް ނުނިޔަތެއް އޮތްތޯ ބެލިދާނެއެވެ. އެހެންކަމުން، ކުޑަކުއްޖާ ކިޔައިދޭ ކިޔައިދިނުމަކީ މި ބާވަތުގެ މައްސަލަތައް ސާބިތުކުރުމުގައި ރިއާޔަތްކުރެވޭ މައިގަނޑު ހެކިކަން އެނގެއެވެ. އަދި ކުޑަކުއްޖާ ކިޔައިދޭ ކިޔައިދިނުމަށް އެ މާއްދާގައި ބުނެފައިވާ ހެކި ޤަރީނާއިން ކޮރޮބޮރޭޓްވާނަމަ މި ބާވަތުގެ މައްސަލަތައް ސާބިތުކުރުމަށް ފުދެއެވެ.

HN3 ކުއްޖާއަށް ޖިންސީ އަނިޔާއެއް ލިބިފައިވާކަން މެޑިކޯލީގަލް ރިޕޯޓުން ދައްކާނަމަ އެއީ ކުއްޖާ ބުނާ ބުނުމަށް ބާރު ލިބިދޭ ވަސީލަތެއްކަން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާއަށް ރިޢާޔަތްކުރުމުން އެނގެއެވެ. މެޑިކޯ ލީގަލް ރިޕޯޓަކުން ވަކި މީހަކު ކުއްޖާއާމެދު ޖިންސީ ގޯނާ ކޮށްފައިވާކަމެއް އަންގައެއް ނުދޭނެއެވެ. ރިޕޯޓުން އަންގައިދޭނީ ކުއްޖާއަށް ޖިންސީ އަނިޔާ ލިބިފައިވާކަން ނުވަތަ ނޫންކަމެވެ. އަދި ޖިންސީ އަނިޔާ ލިބިފައިވަނީ ކާކުގެފަރާތުންކަން ސާބިތުކުރުމަށް ބޭނުންކުރެވޭނެ ހެކީގެ ނިސްބަތް އެވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (ށ) އަދި (ރ) ފިޔަވައި އެހެން އަކުރުތަކުގައި ބަޔާންކުރެވިފައެވެ. ކުއްޖާއަށް ޖިންސީ އަނިޔާ ލިބިފައިވާ ކަމަށް ފޮރެންސިކް ތަޙުލީލުން ދައްކާނަމަ، އެއީ ކުއްޖާއަށް ޖިންސީ ގޯނާ ލިބިފައިވާ ކަމަށް ބާރުލިބިދޭ ވަސީލަތެކެވެ.

HN4 ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކުރާ ހެކީގެ ތެރެއިން މަދުވެގެން ފަސް ބާވަތެއްގެ ހެކި ހުރިނަމަ އެ ހެއްކަކީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ފަދައިން، އެކަށީގެންވާ މިންވަރަށް ޝައްކެއް ނެތި ކުށް ސާބިތުކުރުމަށް ފުދޭނެ ހެކި ކަމަށް ޤާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނަ އޮތުމަކީ، އެ މިންވަރަށް ހެކި ހުރުމާއެކު، އަސާސީ ފުށުއެރުންތައް ނުހުންނަ ޙާލަތްތަކުގައި މި ބާވަތުގެ މައްސަލަތަކުގެ ކުށް ސާބިތުކުރުމަށް ޤާނޫނު ފަހިކޮށްދޭ ވަސީލަތެކެވެ. ޤާނޫނުގެ 47 ވަނަ މާއްދާގެ ދަށުން ބަޔާންކުރާ ބާވަތްތަކުގެ ހެކީގެ ތެރެއިން ފަސް ބާވަތެއްގެ ހެކި ނެތުމަކީ ނުވަތަ ހެކި މަދުވުމަކީ، އެ މައްސަލައެއްގައި ހުށަހެޅޭ ދެން ހުރި ބާވަތްތަކުގެ ހެކީގެ ހަރުދަނާ ކަމަށް ރިޢާޔަތްކުރުމާއެކު، ޤާނޫނުއަސާސިގެ 51 ވަނަ މާއްދާގެ (އ) ގެ ދަށުން ކުށް ސާބިތުވުމަށް އޮތް ހުރަހެއް ނޫނެވެ. އެހެންގޮތަކަށް ބުނާ ނަމަ، ދެން ހުރި ހެއްކަކީވެސް އަނިޔާ ލިބުނު ކުއްޖާ ދައްކަނީ ހަމަ ޙަޤީޤަތުގައިވެސް ހިނގި ކަމެއްކަން ކޮރޮބޮރޭޓް ކުރެވޭވަރުގެ ނުވަތަ ގުޅުވައިދޭވަރުގެ ހެކިނަމަ، އެފަދަ ހެއްކަކީ އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ކުށް ސާބިތުވުމަށްޓަކައި ފުދޭނެ ހެއްކެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޑރ. އަޒްމިރާލްދާ ޒާހިރު (ރިޔާސަތު)، މަޙާޒު ޢަލީ ޒާހިރު، ޙުސްނުއްސުޢޫދު
ރިޔާސަތު
ޑރ. އަޒްމިރާލްދާ ޒާހިރު
ރައުޔު ލިޔުނު ފަނޑިޔާރު
ޑރ. އަޒްމިރާލްދާ ޒާހިރު · ތާއީދުކުރެއްވީ: މަޙާޒު ޢަލީ ޒާހިރު، ޙުސްނުއްސުޢޫދު
ޚިލާފު ރައުޔު
ނެތް
މި ކޯޓުގައި
ހުށަހެޅުނީ 14 އޮކްޓޫބަރު 2019 · ރަޖިސްޓްރީކުރީ 10 ޖޫން 2020 · ނިމުނީ 11 ޖަނަވަރީ 2021 (7.1 މަސް)

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

2020/SC-A/40

ޝަރީޢަތް ނިމުނު ގޮތް

މުޙައްމަދު މުނީރު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ފަނޑިޔާރުންގެ މަޖިލިސް

ޑރ. އަޒްމިރާލްދާ ޒާހިރުމަޙާޒު ޢަލީ ޒާހިރުޙުސްނުއް ސުޢޫދުނިމުނު ތާރީޚު

11 ޖަނަވަރީ 2021

އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ

2018/HC-A/239

އިސްތިއުނާފު ރައްދުވާ ފަރާތް

އިސްތިއުނާފުކުރާ ފަރާތް

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

މުޙައްމަދު މުނީރު

ޤާނޫނީ ވަކީލު:

ޤާނޫނީ ވަކީލު:

މަރްޔަމް ޒާހިރު

ފާޠިމަތު ސަޢީދު ޢަބްދުﷲ ނަޞީރު މުޙައްމަދު، ބޯޅަނދުގެ،ގދ.ގައްދޫ

ޖިނާއީ- ޤާނޫނު ނަންބަރު 2009/12 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނޫ) ގެ 47 ވަނަ މާއްދާ، ކުއްޖާގެ ހެކިބަސް، ހެކިބަސް ކޮރެބޮރޭޓްކުރުން، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ)

މުޙައްމަދު މުނީރު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު (ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު އަދި ފަނޑިޔާރު ޙުސްނުއްސުޢޫދު ތާއީދު ކުރައްވާފައި)

ތަޢާރުފު

12014 ވަނަ އަހަރުގެ ޑިސެންބަރު މަހުން ފެށިގެން ތަފާތު އެކި ދުވަސްމަތިން، ގއ. ކަނޑުހުޅުދޫ / ވިޒާ، މުޙައްމަދު މުނީރު (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A140804)ގެ ދޮންދަރިއަކާމެދު (މީގެ ފަހުން "ކުޑަކުއްޖާ" ނުވަތަ "ކުއްޖާ") މުޙައްމަދު މުނީރު ތަފާތު އެކި ފަހަރު މަތިން ބަދުއަޚްލާޤީ ޢަމަލު ހިންގާފައިވާ ކަމަށް ބުނެ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު ގެ 9 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން މުޙައްމަދު މުނީރުގެ މައްޗަށް އިތުބާރު ކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ ކުރިއެވެ. ކްރިމިނަލް ކޯޓުން އެ މައްސަލަ ބަލައިފައިވަނީ އެ ކޯޓުގެ ނަންބަރު 275/Cr-C/2015 ގަޒިއްޔާއިންނެވެ. އެ މައްސަލަ ނިންމާފައިވަނީ އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގާފައިވާކަން ހެކިންގެ ހެކިބަހުންނާއި ގުޅިފައިވާ ޤަރީނާތަކުން ޝަރީޢަތަށް ސާބިތުވާތީ، މި ކުށުން މުޙައްމަދު މުނީރު ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި 15 (އަހަރު) ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމްކޮށެވެ. ކްރިމިނަލް ކޯޓުގެ ނަންބަރު 275/Cr-C/2015 ގަޒިއްޔާއިން ކުރި ޙުކުމް މުޙައްމަދު މުނީރުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން، އެ ޙުކުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/239 ގަޒިއްޔާއިން ތާއީދުކޮށްފައިވެއެވެ.

2މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/239 ގަޒިއްޔާ އިސްތިއުނާފުކުރުމަށް މުޙައްމަދު މުނީރުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން މި ކޯޓުން ބެލި މައްސަލައެވެ.

މައްސަލައިގެ ހާދިސާ

3މި މައްސަލައަކީ މުޙައްމަދު މުނީރު ކުއްޖާއާއެކު ތަކުރާރުކޮށް ޑިސެންބަރު 2014 އިން ފެށިގެން ޖިންސީ ޢަމަލު ހިންގާފައިވާކަމަށް ބުނެ ހުށަހެޅިފައިވާ މައްސަލައެކެވެ. ކުއްޖާގެ މަންމައާއި ބައްޕަގެ ކައިވެނި ރޫޅުނު ފަހުން ކުއްޖާ ދިރިއުޅެމުން ދިޔައީ ކުއްޖާގެ މަންމައާ އެކުއެވެ. އަދި ކުއްޖާގެ މަންމަ މުޙައްމަދު މުނީރުއާ ކައިވެނި ކުރިފަހުން ދިރިއުޅެމުން އައީ ގޭގައެވެ. އެ ގޭގައި ދިރިއުޅެނީ ކުއްޖާގެ މަންމައާއި މުޙައްމަދު މުނީރުއާ ކުއްޖާއާ 3 (ތިނެއް) މީހުންނެވެ.

4އޭގެ ފަހުން ކުއްޖާގެ ދައްތަ 2015 ވަނަ އަހަރު ޖަނަވަރީ 10 ގައި ގއ. ކަނޑުހުޅުދޫއަށް ބަދަލުވުމާއި ގުޅިގެން ކުއްޖާ އޭނާގެ ދައްތަގެ ގެއަށް ބަދަލުވިއެވެ. އެގޭގައި އުޅެނީ ކުއްޖާއާއި ކުއްޖާގެ ދައްތައާއި ދައްތަގެ ދެކުދިންނާއި ކުއްޖާގެ ބޭބެއެވެ.

509 ފެބްރުވަރީ 2015 ގެ 16:15 ގައި ކުއްޖާ، ކުއްޖާގެ ދައްތަ ގާތު މުޙައްމަދު މުނީރު ތަފާތު އެކި ދުވަސްމަތިން ކުއްޖާގެ ކުރިމަތި ފަރާތަށް އިނގިލި ކޮއްޕައި ހަދާފައިވާ ކަމަށް ބުނެފައިވެއެވެ. އެއީ ކުއްޖާ މުޙައްމަދު މުނީރުގެ ގޭގައި އުޅުނުއިރުއާއި، ކުއްޖާގެ ދައްތަގެ ގާތު އުޅުނުއިރު އަދި ކުއްޖާގެ ބައްޕަގެ ގޭގައި ހުއްޓާއެވެ. މި ހާދިސާ ހިނގިއިރު ކުއްޖާގެ އުމުރަކީ 12 އަހަރެވެ.

6މީގެ ކުރިންވެސް،2011 ވަނަ އަހަރުން ފެށިގެން އެކި ދުވަސް މަތިން، އަދި 2014 ވަނަ އަހަރު ފެބްރުވަރީ މަހުގައި މުޙައްމަދު މުނީރު ކުއްޖާއާއެކު ބަދު އަޚުލާޤީ ޢަމަލު ހިންގުމުގެ ކުށުގައި ހައްޔަރުކޮށްފައިވާކަން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ރެކޯޑްތަކުން އެނގެންއޮވެއެވެ. އަދި 2014 ވަނަ އަހަރުގެ ފެބްރުވަރީ 19 ވަނަ ދުވަހުގެ ހާދިސާއަކާ ގުޅިގެން މުޙައްމަދު މުނީރުގެ މައްޗަށް ދަޢުވާވެސް ކޮށްފައިވެއެވެ.

7މި މައްސަލައިގެ ހާދިސާ ހިނގާފައިވަނީ ކުރީގެ ހާދިސާއާ ގުޅިގެން ކުއްޖާއާއެކު ބަދު އަޚްލާޤީ ޢަމަލު ހިންގުމުގެ ކުށުގައި މުޙައްމަދު މުނީރު ބަންދުގައި ހުރުމަށްފަހު ދޫކޮށްފައިވަނިކޮށެވެ.

ދަޢުވާ ބިނާކޮށްފައިވާ ހެކިތައް

8މުޙައްމަދު މުނީރުގެ މައްޗަށް ދައުލަތުން ކުރި ދަޢުވާ ސާބިތުކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ އަންނަނިވި ހެއްކެވެ.

(ހ)ކުޑަކުއްޖާގެ މެޑިކޯލީގަލް ރިޕޯޓު

(ށ)ގއ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުން ތައްޔާރުކޮށްފައިވާ ކުޑަކުއްޖާގެ ޙާލަތު ބަޔާންކުރާ ރިޕޯޓު

(ނ)ކުޑަކުއްޖާގެ ބަޔާން

(ރ)ކުޑަކުއްޖާގެ އެއްބަނޑު އެއްބަފާ ދައްތަ

(ބ)ގއ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގެ އެސިސްޓެންޓް ސޯޝަލް ސަރވިސް ވޯކަރ މިލްމާ ފިކުރީ

(ޅ)މި މައްސަލަ ތަޙުޤީޤުކުރި ފަރާތްކަމުގައިވާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޮލިސް ސަރޖަންޓް ޝަޒުނާ އަޙުމަދު އަދި ޕޮލިސް ސަރޖަންޓް މުޙައްމަދު ނާޞިޙް އެވެ.

ކްރިމިނަލް ކޯޓުން މައްސަލަ ނިންމިގޮތް

9މި ހެކިތަކުގެ މައްޗަށް ބިނާކޮށް ކްރިމިނަލް ކޯޓުން މައްސަލަ ނިންމާފައިވަނީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މިންވަރަށް ޝަރީޢަތަށް ހެކި ލިބިފައިވާތީ، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އަށް ރިޢާޔަތްކޮށް، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 9 ވަނަ މާއްދާގެ (ހ) ގެ ދަށުން އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުން މުޙައްމަދު މުނީރު ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި، މި ކުށުގެ އުޤޫބާތެއްގެ ގޮތުން މުޙައްމަދު މުނީރު 15 (ފަނަރަ) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށެވެ.

ހައިކޯޓުން މައްސަލަ ނިންމިގޮތް

10ކްރިމިނަލް ކޯޓުގެ ނަންބަރު 275/Cr-C/2015 ގަޒިއްޔާ އިސްތިއުނާފުކުރުމަށް މުޙައްމަދު މުނީރުގެ ފަރާތުން ހުށަހެޅުމުން، ހައިކޯޓުން އެ ކޯޓުގެ ނަންބަރު 2018/HC-A/239 ގަޒިއްޔާގައި ކްރިމިނަލް ކޯޓުގެ ޙުކުމަށް ތާއީދުކޮށް މައްސަލަ ނިންމާފައިވެއެވެ. ހައިކޯޓުން މި ޙުކުމަށް ވާޞިލުވީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބުރަވެއެވެ.

(ހ)ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން އުފުލޭ ކުށުގެ ދަޢުވާއެއް ސާބިތުކުރުމަށް އެ ޤާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހެކީގެ ތެރެއިން 5 (ފަހެއް) ބާވަތެއްގެ ހެކި ހުރިނަމަ، އެއީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާ މިންވަރަށް ލިބިފައިވާ ހެކި ކަމަށް ބެލެވޭނެކަމާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-DM/01 ގަޒިއްޔާގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހެކީގެ ތެރެއިން އެ މާއްދާގެ (ޅ)، (ކ)، އަދި (ދ) ގައި ބަޔާންކޮށްފައިވާ ހެއްކަކީ ވަކިވަކި ހެކި ކަމަށް ނުބެލެވޭނެ ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، އަދި އެ މާއްދާގައި ބުނާ މިންވަރަށްވުރެ މަދުން ހެކި ލިބިފައިވީނަމަވެސް ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާ މިންވަރަށް ސާބިތުވާނަމަ، ކުށް ޝަރީޢަތަށް ސާބިތުވާ ކަމަށް ކަނޑައެޅިދާނެކަން؛

(ށ)މުޙައްމަދު މުނީރު ކުޑަކުއްޖާއާމެދު ޖިންސީ ގޯނާ ކޮށްފައިވާގޮތް ކުޑަކުއްޖާ ތަޙުޤީޤުކުރި ފަރާތަށް ކިޔައިދީ ތަހުޤީޤަށް ބަޔާނެއް ދީފައިވާ ކަމާއި، އަދި އެކަން ހިނގިގޮތް އެސިސްޓެންޓް ސޯޝަލް ސަރވިސް ވޯކަރ މިލްމާ ފިކުރީއާއި ކުޑަކުއްޖާގެ ދައްތައަށް ކިޔައިދީފައިވާ ކަމާއި، އަދި އެކަން ކުޑަކުއްޖާ ތަޙުޤީޤަށް ދީފައިވާ ބަޔާނުގެ އިތުރުން، އެ ފަރާތްތައް ތަޙުޤީޤާއި ޝަރީޢަތުގެ މަޖިލީހުގައި ދީފައިވާ ބަޔާންތަކުން އެނގޭކަމާއި، މިއީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (ޅ) (ކ) އަދި (ދ) ގައި ބަޔާންކޮށްފައިވާ މި ބާވަތުގެ މައްސަލަތަކުގައި ޝަރީޢަތަށް ޤަބޫލުކުރެވޭނެ ހެކިކަން؛

(ނ)މުޙައްމަދު މުނީރުއާ ބެހޭގޮތުން މިފަދަ ވާހަކަތަކެއް ހަދައިގެން ނުވަތަ އަލަށް އުފައްދައިގެން ކުއްޖާ ކިޔައިދީފައިވާ ކިޔައިދިނުމެއް ކަމަށް ބެލެވޭނެ ސަބަބެއްނެތި، މި ހާދިސާ ހިނގިތާ ދިގު މުއްދަތެއް ފާއިތުނުވަނީސް ކުޑަކުއްޖާ އެ ވާހަކަ ކިޔައިދީފައިވާކަމާއި، އަދި އެކަން ކުޑަކުއްޖާ 12 ފެބްރުވަރީ 2015 ގައި ތަޙުޤީޤަށް ދީފައިވާ ބަޔާނުންނާއި އަދި ކުޑަކުއްޖާގެ ދައްތަ ތަޙުޤީޤަށް ދީފައިވާ ބަޔާނުން އެނގޭކަމާއި، މިއީ ޤާނޫނުގެ 47 ވަނަ މާއްދާގެ (އ) ގެ ދަށުން ޝަރީޢަތަށް ޤަބޫލުކުރެވޭނެ ހެއްކެއްކަން؛

(ރ)ކުޑަކުއްޖާއާމެދު ޖިންސީ ހާނީއްކައެއް ކޮށްފައިވާކަން ކުއްޖާގެ މެޑިކޯލީގަލް ރިޕޯޓަށް ބެލުމުން އެނގެން އޮންނަކަމާއި، މިއީ ޤާނޫނުގެ 47 ވަނަ މާއްދާގެ (ހ) ގައިވާ ހެއްކެއްކަމާއި، އަދި ކުއްޖާއާ ބެހިފައިވާ ކަމަށް ކުއްޖާ ކިޔައިދީފައިވާއިރު، ކުއްޖާގެ މެޑިކޯލިގަލް ރިޕޯޓުން ކުއްޖާއާ ބެހިފައިވާކަން އެނގެން އޮތުމުން، މިއީ 47 ވަނަ މާއްދާގެ (ވ) ގައި ބުނާ ހެއްކެއްކަން؛

(ބ)މި ހާދިސާ ހިނގާދިޔަ ގޮތުގެ މައްޗަށާއި އަދި ކުޑަކުއްޖާ މި ހާދިސާ ކިޔައިދީފައިވާ ކިޔައިދިނުމުގެ މައްޗަށް ބަލާއިރު، މި ކުށުގެ ހާދިސާއަކީ ނުހިނގާ ކަމެއް ހަދައިގެން ނުވަތަ އަލަށް އުފައްދައިގެން ދައްކާފައިވާ ވާހަކަތަކެއް ކަމަށް ބަލަންޖެހޭ އެކަށީގެންވާ ސަބަބެއް ނުވަތަ ސަބަބުތަކެއް ފާހަގަކުރެވިފައިނުވާކަން؛

11އެހެންކަމުން، މި ސަބަބުތަކުގެ މައްޗަށް ބިނާކޮށް ހައިކޯޓުން ޙުކުމްކޮށްފައިވަނީ ކްރިމިނަލް ކޯޓުގެ ނަންބަރު 275/Cr-C/2015 ގަޒިއްޔާއިން ނިންމާފައިވާ ނިންމުމަށް ތާއީދުކޮށެވެ.

ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވުނު ނުކުތާ

12ހައިކޯޓުގެ ނަންބަރު 2018/HC-A/239 ގަޒިއްޔާ މުޙައްމަދު މުނީރުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރަމުން ހުށަހެޅި މައިގަނޑު ނުކުތާއަކީ ހައިކޯޓުން ޙުކުމް ކޮށްފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތަކުގައި ބަލައިގަނެވޭނެ ހެކި

13ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 1 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ އެ ޤާނޫނަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުން، ތަޙުޤީޤުގެ މަރުހަލާގައާއި ޝަރީޢަތުގެ މަރުހަލާގައި ބަންދުގައި ބޭތިއްބުމާއި، ބަންދުން ވީއްލުމަށްފަހުގައި ވެސް ވަކި ނިޒާމެއްގެ ތެރެއިން ބަލަހައްޓަމުން ދިޔުމާއި، ޝަރީޢަތަށް ހެކި ބަލައިގަތުމުގައި ލުއި މިންގަނޑެއް ހުއްދަކުރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާއިން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ޚާއްޞަ އުސޫލުތައް ބަޔާންކުރުމުގެ ޤާނޫނެއް ކަމަށެވެ. އަދި ޤާނޫނުގެ މަޤުޞަދުތަކުގެ ތެރޭގައި ޝަރީޢަތުގެ މަޖިލީހަށް ބަލައިގަންނަ ބާވަތުގެ ހެކީގެ އިތުރުން، ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާ ސާބިތުކުރުމަށް އިތުރު ބާވަތުގެ ހެކި ހުއްދަކުރުމާއި، ބަލައިގަންނަ ހެކީގެ މިންގަނޑު ލުއިކުރުން ހިމެނެއެވެ.

14ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގައި 12 (ބާރަ) ބާވަތެއްގެ ހެކި ލިސްޓުކޮށްފައިވެއެވެ. އަދި މި ހެކީގެ ތެރެއިން މަދުވެގެން 5 (ފަހެއް) ބާވަތެއްގެ ހެކި ހުރިނަމަ، އެ ހެއްކަކީ މި ޤާނޫނުގެ ދަށުން އުފުލޭ ދަޢުވާއެއް ޝަރީޢަތަށް ސާބިތުކުރުމަށް ފުދޭނެ މިންވަރުގެ ހެކި ކަމަށް އޮވެއެވެ. އެ މާއްދާގައި ބުނެފައިވަނީ މިފަދައިންނެވެ.

ހެކީގެ ނިސްބަތް 47. އެހެން ޤާނޫނެއްގައި، ޖިނާއީ ކުށް ސާބިތުކުރުމަށް ބޭނުންވާ ހެކީގެ މިންގަނޑު ކަމަށް ނުވަތަ ޝަރީޢަތަށް ޤަބޫލުކުރާ ހެކީގެ ބާވަތް ކަމަށް އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، މި ޤާނޫނުގެ ބޭނުމަށްޓަކައި ނުވަތަ މި ޤާނޫނުގެ ދަށުން އުފުލޭ ދަޢުވާއެއްގައި، މީހަކު، ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގައިފިކަން ސާބިތުކުރުމަށްޓަކައި، ނުވަތަ މި ޤާނޫނުގައިވާ ކުށެއް ސާބިތުކުރުމަށްޓަކައި، އަންނަނިވި ބާވަތުގެ ހެކީގެ ތެރެއިން މަދުވެގެން ފަސް ބާވަތެއްގެ ހެކި ހުރެއްޖެ ކަމަށް ވާނަމަ، އެ ހެއްކަކީ، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ފަދައިން، މީހަކު ކުށެއް ކޮށްފިކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީޢަތަށް ސާބިތުކުރުމަށް ބޭނުންވާ މިންވަރަށް ލިބިފައިވާ ހެކިކަމުގައި ބެލެވޭނެއެވެ.

(ހ) ޖިންސީ ޢަމަލު ކުޑަކުއްޖަކާއެކު ހިންގައިފިކަން ސާބިތުކޮށްދޭ ރަސްމީ ލިޔުމެއް.

(ށ) ސައިންޓިފިކް ތަހުލީލުތަކުން ދައްކާ ނަތީޖާ.

(ނ) ލޮލަށް ފެނުނު މީހުންގެ ހެކީގެ ބަޔާން.

(ރ) ފޮރެންސިކް ނިޝާންތަކުންނާއި ތަހުލީލުތަކުން ލިބޭ ހެކި.

(ބ) ވީޑިއޯ ރެކޯޑުތަކުން ލިބޭ ހެކި.

(ޅ) އެކަމެއް ހިނގުމުން ދާދި އަވަހަށް ނުވަތަ އެކަމެއް ހިނގުމާ ދެމެދު ގިނަ ދުވަސްތަކެއް ނުވަނީސް ކުއްޖާގެ މައިންބަފައިންނަށް، ނުވަތަ ގާތްތިމާގެ މީހަކަށް، ނުވަތަ ރަހުމަތްތެރިއަކަށް، ނުވަތަ ޑޮކްޓަރަކަށް، ނުވަތަ ޞިއްޙީ އެހީތެރިއަކަށް، ނުވަތަ ސައިކޮލޮޖިސްޓަކަށް، ނުވަތަ ސައިކިއޭޓްރިސްޓަކަށް ނުވަތަ މައްސަލަ ތަޙުޤީޤުކުރާ ފުލުހަކަށް ނުވަތަ ކުޑަކުދިން ރައްކާތެރިކުރުމުގެ ޚިދުމަތުގައި މަސައްކަތްކުރާ މީހަކަށް ކުޑަކުއްޖާ ދީފައިވާ ބަޔާން.

(ކ) އޭނާއާމެދު ކަންވީގޮތް ކަމަށް ނުވަތަ އެކަން ހިނގާދިޔަގޮތް ކަމަށް ކުޑަކުއްޖާ ކިޔައިދީފައިވާ ބަޔާން.

(އ) މީހަކާ ބެހޭގޮތުން ޙަޤީޤަތެއްނެތް ވާހަކަތަކެއް ހަދައިގެން، ނުވަތަ އަލަށް އުފައްދައިގެން ކިޔައިދިނުން ކަމަށް ބެލެވޭނެ ސަބަބެއްނެތި ނުވަތަ ހާދިސާ ހިނގި ވަގުތާއި އެ ވާހަކަ، ކުޑަކުއްޖާ ކިޔައިދިން ވަގުތާ ދެމެދު މާ ދިގު މުއްދަތެއް ފާއިތު ނުވަނީސް ކިޔައިދީފައިވާ ކިޔައިދިނުމެއް.

(ވ) ކުޑަކުއްޖާ ކިޔައިދޭ އެއްޗަކާ އެކުއްޖާއަށް ޖިސްމާނީގޮތުން ލިބިފައިވާ ގެއްލުން ކަމަށް ޑޮކްޓަރީގޮތުން ފާހަގަވާން ހުރި ކަންކަމާއި ފޮރެންސިކް ތަހްލީލުތަކުން ފާހަގަވާން ހުރި ކަންކަން ދިމާވުން.

(މ) އެ ކުއްޖާއާއެކު ޖިންސީ ޢަމަލު ހިންގި މީހަކީ ކުރިން ޖިންސީ ޢަމަލު ހިންގި މީހެއްކަން ސާބިތުވެފައިވުން.

(ފ) މާއްދީ ހެކި.

(ދ) މައްސަލަ ބަލާ ފަރާތުން ކުއްޖާއާ އިންޓަރވިއު ކުރުމުން ކުއްޖާ ކިޔައިދީފައިވާ ވާހަކަ.

15HN1މީގެ އިތުރުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުޚްތާރު ގަޒިއްޔާއާއި ދިވެހި ދައުލަތް (އެޓަރނީ ޖެނެރަލްގެ އޮފީސް) ވ. ޢަލީ ޝާހް ގަޒިއްޔާގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ޢަމަލުތައް ޢާންމު ގޮތެއްގައި ހިންގަނީ އެކަހެރި ތަންތަނުގައި ސިއްރުން ކަމަށް ވުމާއެކު، އެފަދަ ކުށްތަކާ ގުޅިގެން މިނިވަން މުސްތަޤިއްލު ހެކިތަކެއް ގިނަ ޙާލަތްތަކުގައި ނުހުންނާނެތީ، ޤާނޫނުގައި ވަކި 12 (ބާރަ) ހެއްކެއް ބަޔާންކޮށްފައިވަނީ އެ ހެކިތަކަކީ އެކަތި އަނެކައްޗާ ވަކިވެފައިވާ މުސްތަޤިއްލު ހެކި ކަމަށް ބެލެވޭތީ ނޫން ކަމަށް ބަޔާންކޮށްފައިވެއެވެ. އެއާ ޚިލާފަށް 12 (ބާރަ) ބާވަތެއްގެ ހެކި ވަކި ވަކިން ލިސްޓުކޮށްފައި އެވަނީ ކުޑަކުއްޖާގެ ހެކިބަހަކީ އާދަޔާ ޚިލާފަށް ތެދު ކަމަށް ޤަބޫލުކުރެވޭ ހެކިބަހެއްތޯ ނުވަތަ ނޫންތޯ ކަށަވަރުކުރުމުގެ ގޮތުން ފަނޑިޔާރުންނަށް ބޭނުންކުރެވިދާނެ ވަސީލަތްތަކެއްގެ ގޮތުގައި ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުޚްތާރު ގަޒިއްޔާގައި ކަނޑައަޅާފައިވެއެވެ. އެހެންގޮތަކަށް ބުނާނަމަ، ކުޑަކުއްޖާ ދީފައިވާ ހެކިބަސް ކޮރޮބޮރޭޓް ކުރުމުގެ ވަސީލަތްތަކެއްގެ ގޮތުގައެވެ. އެހެންކަމުން، މައްސަލައިގައި ކުޑަކުއްޖާ ދީފައިވާ ހެކިބަހަކީ އާދަޔާ ޚިލާފަށް ޤަބޫލުކުރެވޭ ހެކިބަހެއް ކަމުގައިވާނަމަ، އެ ހެކި ބަހުގެ މައްޗަށް ދަޢުވާ ސާބިތުކުރެވިދާނެއެވެ.

16HN2ކުޑަކުއްޖާގެ ހެކިބަހަކީ އާދަޔާ ޚިލާފަށް ޤަބޫލުކުރެވޭ ހެކިބަހެއްތޯ ނުވަތަ ނޫންތޯ ބެލުމުގައި ކުއްޖާގެ ހެކިބަސް އެތެރެފުށުންނާއި ބޭރުފުށުން އެއްގޮތްވޭތޯ އާއި ޝަކުވާ އުފުލި ފަރާތުގެ އަޚުލާޤާއި ޢަމަލުތަކާއި، ކުއްޖާގެ އުޅުން ހުންނަ ގޮތުގެ މައްޗަށާއި، ކުއްޖާ މުއްތަހަމާބެހޭ ގޮތުން ޝަކުވާކުރުމުގައި އެއްވެސް ނުނިޔަތެއް އޮތްތޯ ބެލިދާނެއެވެ. އެހެންކަމުން، ކުޑަކުއްޖާ ކިޔައިދޭ ކިޔައިދިނުމަކީ މި ބާވަތުގެ މައްސަލަތައް ސާބިތުކުރުމުގައި ރިއާޔަތްކުރެވޭ މައިގަނޑު ހެކިކަން އެނގެއެވެ. އަދި ކުޑަކުއްޖާ ކިޔައިދޭ ކިޔައިދިނުމަށް އެ މާއްދާގައި ބުނެފައިވާ ހެކި ޤަރީނާއިން ކޮރޮބޮރޭޓްވާނަމަ މި ބާވަތުގެ މައްސަލަތައް ސާބިތުކުރުމަށް ފުދެއެވެ.

މި މައްސަލައިގައި ކުޑަކުއްޖާ ކިޔައިދީފައިވާ ކިޔައިދިނުން

17ހައިކޯޓުގެ ނިންމުން އިސްތިއުނާފު ކުރަމުން މުޙައްމަދު މުނީރުގެ ފަރާތުން ހުށަހަޅާފައިވާ މައިގަނޑު ޝަކުވާއަކީ މި މައްސަލައިގައި ހެކީގެ ގޮތުގައި ހުށަހެޅުނު ފުލުހުންނާއި، އެސިސްޓެންޓް ސޯޝަލް ސަރވިސް ވޯކަރ މިލްމާ ފިކުރީއާއި ކުޑަކުއްޖާގެ ދައްތަ ދީފައިވާ ހެކިބަސް ބިނާވަނީ ކުޑަކުއްޖާ ކިޔައިދީފައިވާ ކިޔައިދިނުމަށް ކަމަށެވެ.

18މުޙައްމަދު މުނީރުގެ ފަރާތުން ބުނެފައިވަނީ ފުލުހުންނަށާއި، އެސިސްޓެންޓް ސޯޝަލް ސަރވިސް ވޯކަރ މިލްމާ ފިކުރީއަށާއި ކުޑަކުއްޖާގެ ދައްތައަށް ކަންހިނގި ގޮތް ކަމަށް ހާދިސާ ކިޔަދީފައިވަނީ ކުޑަކުއްޖާ ކަމަށާއި، ކުޑަކުއްޖާ ބުނާ ބުނުމަކީ ހެކިބަސް ބަލައިގަތުމުގެ ޢާންމު އުސޫލުގެ ދަށުން ބުރަދަން ދެވޭ އެއްޗެއް ނޫންކަމަށެވެ. އަދި އަނިޔާ ލިބުނު ފަރާތުގެ ބަހަކީ ޢާންމު އުސޫލެއްގެ ގޮތުން ބަލައިގަންނަ އެއްޗެއްނޫން ކަމަށާއި، ހިޔަރސޭ އެވިޑެންސަކީ ޢާންމު އުސޫލެއްގެ ގޮތުން ޖިނާއީ މައްސަލަތައް ސާބިތުކުރުމުގައި އިސްތިސްނާއީ ޙާލަތުގައި މެނުވީ ބަލައިގަންނަ އެއްޗެއްނޫން ކަމަށެވެ.

19ކުރިންވެސް ފާހަގަކުރެވުނު ފަދައިން، ޤާނޫނުގެ ދަށުން ކުޑަކުދިންނާ މެދު ޖިންސީ ގޯނާކުރާ މައްސަލަތަކުގެ މުޅި ހެކިބަސް ބިނާވަނީ ކުޑަކުއްޖާ ކިޔައިދޭ ކިޔައިދިނުމުގެ މައްޗަށެވެ. އެގޮތުން ކުއްޖާގެ ހެކިބަސް އެތެރެފުށުންނާއި ބޭރުފުށުން އެއްގޮތްތޯ ބަލައެވެ.

ހެކިބަސް އެތެރެފުށުން އެއްގޮތްވޭތޯ ބެލުން

20ހުށަހެޅިފައިމިވާ މައްސަލައިގައި ކުޑަކުއްޖާ ދީފައިވާ ހެކިބަހަކީ އާދަޔާ ޚިލާފަށް ޤަބޫލުކުރެވޭ ހެކިބަހެއްތޯ ބަލާއިރު، ކުޑަކުއްޖާ 12 ފެބްރުވަރީ 2015 ގައި ދީފައިވާ ބަޔާނުގައި 2014 ނޮވެންބަރު މަސްތެރޭގައި ދައްތަ ޗުއްޓީއަށް ގއ. ކަނޑުހުޅުދޫއަށް އައިސް ގދ. ފިޔޯރީއަށް ދާންވެގެން ފުރުވަން އެއްރޭ ފަތިހު މަންމަ އަތިރިއަށް ދިޔަ ކަމަށް ބުނެފައިވެއެވެ. އަދި އެރޭ ފަތިހު ނިދާފައި އޮއްވާ މުޙައްމަދު މުނީރު ކޮޓަރި ތެރެއަށް ވަތް ކަމަށް ބުނެފައިވެއެވެ. އަދި ކޮޓަރި ތެރެއަށް ވަތްއިރު ކުއްޖާ އޮތީ ހޭލާ ކަމަށާއި، ކޮޓަރިތެރެއަށް ވަދެ ކުއްޖާ އޮށޯވެގެން އޮތް އެނދުގައި އިށީނދެގެން އިނދެ ކުއްޖާ ލައިގެން ހުރި ޖަނގިޔާ ތެރެއަށް އަތްކޮށްޕާ އަދި ކުއްޖާގެ ކުރިމަތިފަރާތަށް އަތްކޮށްޕާ ހެދުމަށްފަހު ކޮޓަރިން ނުކުމެގެން ދިޔައީ ކަމަށް ބުނެފައިވެއެވެ. މިގޮތަށް ކަންތައް ކުރުމުން މުޙައްމަދު މުނީރުއާ ދިމާލަށް އެއްވެސް އެއްޗެއް ނުބުނާ ކަމަށާއި، އެއްޗެއް ނުބުނީ މުޙައްމަދު މުނީރުއާ ދިމާލަށް އެއްޗެކޭ ބުނަން ނުކެރޭތީ ކަމަށް ބުނެފައިވެއެވެ.

21އެގޮތުން ކުއްޖާގެ ދައްތަ ގދ. ފިޔޯރީއަށް ފުރި ދުވަހު މުޙައްމަދު މުނީރު ކުއްޖާއާ ބެހުނުކަން ކުއްޖާގެ ހެކިބަހުން އެނގެއެވެ. އަދި އެ ދުވަހު މަންމަ ގޭގައި ނޫޅޭ ސަބަބު ވެސް ކިޔައިދީފައިވެއެވެ. އެ ހާދިސާއާ ގުޅިގެން ކުއްޖާ އެރޭ ލައިގެން ހުރި ހެދުމާއި އަދި ކުއްޖާގެ ކޮޓަރިއަށް ވަންނަ ތަޅުދަނޑި ހުންނަނީ އޭނާގެ ކޮޓަރީގެ ދޮރުގެ ބޭރުގެ ފާރަށް ޖަހާފައި ހުންނަ މޮހޮރެއްގައި އަޅުވާފައި ކަމަށް ބުނެފައިވެއެވެ.

222015 ވަނަ އަހަރު ޖަނަވަރީ މަހު ދައްތަ ގއ. ކަނޑުހުޅުދޫއަށް ބަދަލުވުމާއި ގުޅިގެން ދައްތަ ދިރިއުޅޭ ގެ ކަމުގައިވާ ގެއަށް ބަދަލުވި ކަމަށް ކުއްޖާ ބުނެފައިވެއެވެ. އެގޭގައި އުޅެނިކޮށް އެއްދުވަހުގެ ހެނދުނު ވަގުތެއްގައި މުޙައްމަދު މުނީރު ގެއަށް އައިސް ކުއްޖާ ގާތު ގޭގައި އުޅޭ މީހުން ކޮބައިތޯ އެހުމުން ދައްތަވީ ދަރިފުޅު ޤުރުއާން ކުލާހަށް ލާން ގޮސް ކަމަށް ބުނި ކަމަށާއި އެގޮތަށް ބުނުމުން ކުއްޖާ އޮށޯވެގެން އޮތް އެނދުގައި މުހައްމަދު މުނީރު އިން ކަމަށް ބުނެފައިވެއެވެ. އަދި އިށީނުމުން ކުއްޖާ އެނދުގެ ފަހަތަށް ޖެހުމުން ކީއްވެތޯ ފަހަތަށް ޖެހެނީ ބުނެ މުޙައްމަދު މުނީރު ސުވާލުކުރި ކަމަށް ބުނެފައިވެއެވެ. އަދި އެއްޗެކޭ ނުބުނެ އޮއްވާ ކުއްޖާ ލައިގެން ހުރި ޖަނގިޔާގެ ތެރެއިން އަތްކޮށްޕާ ކުއްޖާގެ ކުރިމަތިފަރާތަށް އިނގިލި ކޮށްޕާ ހެދުމަށްފަހު ގެއިން ނުކުމެގެން ދިޔައީ ކަމަށް ކުއްޖާ ބުނެފައިވެއެވެ.

23މި ހާދިސާއިން ވެސް އެނގެނީ ކުއްޖާ ދައްތަގެ ގެއަށް ބަދަލުވި ފަހުން، އަދި ދައްތަ ގޭގައި ނޫޅޭ ވަގުތަކު މުޙައްމަދު މުނީރު އެ ގެއަށް ދިޔަކަމެވެ. އަދި އެ ވަގުތު ކުއްޖާ ހުރި ތަނާއި، މުޙައްމަދު މުނީރު ކުއްޖާއަށް ބެހުނު ގޮތް ކުއްޖާ ތަފްޞީލުކޮށް ކިޔައިދީފައިވެއެވެ.

24ކުއްޖާ ސްކޫލަށް ނުދާތީ އެކަމާ ގުޅިގެން މަންމަ އައިސް އެއްޗިހި ކިޔުމުން، 09 ފެބްރުވަރީ 2015 ވަނަ އަހަރުގެ ހެނދުނުގެ ވަގުތެއްގައި ކުއްޖާގެ ބައްޕައުޅޭ ގެއަށް ދިޔަކަމަށާއި، އެ ގެއަށް ދިޔައިރު ބައްޕަ ގޭގައި ނެތް ކަމަށާއި، އަދި އެ ގޭގެ ސިޓިންގ ރޫމްގައި ހުރި ޖޯއްޔެއްގައި އޮށޯވެގެން އޮއްވާ އެ ގެއަށް މުޙައްމަދު މުނީރު އައި ކަމަށާއި، ކުއްޖާ މުޙައްމަދު މުނީރުއާއި ކުއްޖާގެ މަންމަ ދިރިއުޅޭ ގެއަށް ނުގޮސްގެން އުޅެނީ ކީއްވެތޯ އެހި ކަމަށާއި، އެ ގޭގައި ވަކިން ކޮޓަރިއެއް ދީފައި ހުންނަ ކަމަށާއި ގޭގައި އުޅެން މާފަސޭހަވާނެ ކަމަށާއި، މިހާރު އުޅެން ޖެހެނީ މާކުޑަކުޑަ ތަންކޮޅެއްގައި މާގިނަ މީހުންނާ އެއްކޮށް ކަމަށާއި، މުޙައްމަދު މުނީރުގެ ގޭގައި ކުއްޖާ ހުރުމުން މުޙައްމަދު މުނީރު ހިތްހަމަޖެހޭ ކަމަށާއި، ބޭނުންވަނީ ކުއްޖާ މުޙައްމަދު މުނީރުގެ ގޭގައި ބަހައްޓަން ކަމަށް ބުނެފައިވާ ކަމަށް ކުއްޖާގެ ބަޔާނުގައިވެއެވެ. އަދި އޭގެ ފަހުން މުޙައްމަދު މުނީރު ކުއްޖާ ލައިގެން ހުރި ޖަނގިޔާ ތެރެއަށް އަތްކޮށްޕާ ކުރިމަތިފަރާތަށް އިނގިލި ކޮށްޕާ ހެދުމަށްފަހު ދިޔައީ ކަމަށް ބުނެފައިވެއެވެ.

25އެ ދުވަހު ވެސް ލައިގެން ހުރީ ޓީޝާޓަކާއި ދިގު ހަރުވާޅެއް ކަމަށް ކުއްޖާ ބުނެފައިވެއެވެ. އަދި މުޙައްމަދު މުނީރުއާއި ކުއްޖާއާ ދެމެދު ދެކެވުނު ވާހަކަ ވެސް ތަފްޞީލުކޮށް ކިޔައިދީފައިވެއެވެ. މީގެ އިތުރުން ކުއްޖާ އޭނާގެ ބައްޕަގެ ގެއަށް ދިޔައީ މަންމައާއެކު އުފެދުނު ދެބަސްވުމެއްގެ ސަބަބުން ކަމަށް ބުނެފައިވެއެވެ.

26ކުއްޖާއަށް މުޙައްމަދު މުނީރު ޖިންސީ ގޯނާކުރާ ވާހަކަ ކުއްޖާގެ ދައްތައަށް ކިޔައިދީފައިވަނީ ކުއްޖާގެ ބައްޕަގެ ގެއަށް ދިޔަ ދުވަހުގެ ހަވީރެވެ. އެ ދުވަހު 16:15 ގައި ދައްތަ އަތިރިމަތީގައި ހުއްޓާ ވާހަކައެއް ބުނަން އެބަ އޮތް ކަމަށް ބުނުމުން ދައްތަ ކޮން ވާހަކައެއްހޭ އެހި ކަމަށާއި، މުޙައްމަދު މުނީރު ކުއްޖާގެ ކުރިމަތިފަރާތަށް ތަފާތު އެކި ދުވަސް މަތިން އިނގިލިކޮށްޕާ ހަދާފައިވާ ކަމަށް ކުއްޖާ އޭނާގެ ދައްތައަށް ކިޔައިދިން ކަމަށް ކުއްޖާގެ ބަޔާނުގައިވެއެވެ. އަދި ދައްތަ މަންމަ ގާތު އެ ވާހަކަތައް ކިޔައިދިނުމަށް ބުނުމުން، މަންމަ ކައިރީ އެވާހަކަތައް ކިޔައިދިން ކަމަށާއި، އެހެންނަމަވެސް މުޙައްމަދު މުނީރު އެކަހަލަ ކަމެއް ނުކުރާނެ ކަމަށާއި އަދި އެއީ ރަށު މީހުން ހަދަހަދައިގެން ދައްކާ ވާހަކައެއް ކަމަށާއި އަދި މީހުން ކުއްޖާ ގާތު ވާހަކަ ދައްކައިގެން ދައްކާ ވާހަކަތަކެއް ކަމަށް މަންމަ ކުއްޖާއާ ދިމާލަށް ބުނި ކަމަށް ކުއްޖާ ބުނެފައިވެއެވެ. އަދި މަންމަ އެހެން ބުނުމުން މުޙައްމަދު މުނީރު އެގޮތަށް ކަންތައް ނުކުރާނަމަ، މަންމަ ކުއްޖާއަށް ދިން ކިރު ހަރާމްވާނެ ކަމަށް ބުނިން ކަމަށާއި، އެގޮތަށް މަންމައާ ދިމާލަށް ބުނުމުން މަންމަ އިތުރަށް އެއްޗެކޭ ނުބުނާ ކަމަށް ބުނެފައިވެއެވެ.

27ކުއްޖާގެ ބަޔާނަށް ބަލާއިރު، ކުއްޖާއާމެދު ކަންތައްކުރި ގޮތުގެ ވާހަކަ ކިޔައިދިނުމުން ކުއްޖާގެ މަންމަ ކުއްޖާގެ ބަސް ޤަބޫލުނުކުރާކަން އެނގެއެވެ. އަދި މަންމަ ދިން ޖަވާބާއި ގުޅިގެން ކުއްޖާ ބުނެފައިވަނީ މި އިބާރާތުންނެވެ.

"..އަޅުގަނޑާއި މެދު އިސްވެ ދެންނެވުނުގޮތަށް ކަންތައް ނުކުރާނަމަ މަންމަ ކުޑައިރު އަޅުގަނޑަށް ދިން ކިރު ހަރާމްވާނެ.."

ކަމަށެވެ. މިފަދަ އިބާރާތެއް މި އުމުރުގެ ކުއްޖަކު ކުއްޖާގެ މަންމައާ މުޚާތަބުކޮށް މިއީ ޙަޤީޤަތުގައި ނުހިނގާ ކަމެއް ނަމަ ބޭނުން ކޮށްފާނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ.

28މި ވާހަކަތަކުން އެނގެނީ މުޙައްމަދު މުނީރު ކުއްޖާއާމެދު ޖިންސީ ގޯނާކުރިކަމުގެ ވާހަކަތައް ކުއްޖާގެ މަންމައަށް ކިޔައިދިނުމުން، ކުއްޖާއާއި އޭނާގެ މަންމައާ ދެމެދު އޮތް ގުޅުން ގޯސްވެފައިވާކަމެވެ. ކުއްޖާގެ ދިރިއުޅުމުގެ ކަންކަން ހުރި ގޮތަށް ބަލާއިރު، މަންމަ އާއި ބައްޕަ ވަކިވެފައިވާ އުމުރުން އެހާ ޅައިރު ކުޑަކުއްޖަކު މި ބާވަތުގެ ވާހަކަތަކެއް ހަދަހަދައިގެން އޭނާއަށް އެހީތެރިވެދޭން ތިބި އާއިލާގެ މެންބަރުން ގާތު ދެއްކުމުގެ އެއްވެސް މަޤުޞަދެއްނެތެވެ. އަދި ކުއްޖާގެ ބަޔާންތަކަށް ބަލާއިރު، މުޙައްމަދު މުނީރު ކުއްޖާއާއެކު އެކި ފަހަރު މަތިން ހިންގި ޢަމަލުތައް ވަރަށް ތަފްޞީލުކޮށް ކިޔައިދީފައިވެއެވެ. އެހެންކަމުން، ކުއްޖާގެ ހެކިބަސް އެތެރެފުށުން އެއްގޮތްވުމުގެ އިތުރުން، ކުއްޖާގެ މަންމަ އިނދެގެން އުޅޭ، ކުއްޖާއާއެކު ދިރިއުޅެމުން ދިޔަ ކުއްޖާގެ އިތުބާރު ހިފޭ މަޤާމެއްގައި ހުރި މީހަކާމެދު މިފަދަ ހުތުރު ތުހުމަތުތަކެއް ކޮށްފައިވަނީ ކުއްޖާގެ ކިބައިގައި ނުނިޔަތެއް އޮވެގެންކަން ބެލެވޭނެ ހަމައެއްނެތެވެ.

ހެކިބަސް ބޭރުފުށުން އެއްގޮތްވޭތޯ ބެލުން

29ކުއްޖާ ކިޔައިދިން ކިޔައިދިނުމާއި، އޭނާ އެހެން މީހުންނަށް ކިޔައިދީފައިވާ ކިޔައިދިނުން ތަކަށް ބަލާއިރު، މި މައްސަލައިގައި ކުއްޖާގެ ބައްޕަގެ ގޭގައި ހުއްޓާ މުޙައްމަދު މުނީރު ކުއްޖާއަށް ޖިންސީ ގޯނާކުރި ދުވަހު ކުއްޖާ، ކުއްޖާގެ ދައްތައަށް އެ ވާހަކަ ކިޔައިދީފައިވާކަން އެނގެއެވެ. ކުއްޖާގެ ބަޔާނުން އެ ހާދިސާ ހިނގި ތާރީޚަކީ 9 ފެބްރުވަރީ 2015 ކަން އެނގެން އޮންނައިރު، 10 ފެބްރުވަރީ 2015 ގައި ކުއްޖާގެ ދައްތަ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ބަޔާން ދީފައިވާކަން ފާހަގަކުރެވެއެވެ. އަދި އެ ބަޔާނުގައި ކުއްޖާ ސްކޫލަށް ނުދާތީ، ކުއްޖާގެ މަންމައާއެކު ހިނގި ހިތްހަމަނުޖެހުމެއްގެ ތެރޭގައި، ކުއްޖާ އޭނާގެ ބައްޕަގެ ގެއަށް ދިޔަ ކަމަށާއި، އަދި އެ ދުވަހު ކުއްޖާ އަނބުރާ ދައްތަގެ ގެއަށް ގެނައުމަށް، ކުއްޖާގެ ދައްތަ ކުއްޖާ ބަލާ ދިޔަ ކަމަށް ބަޔާންކޮށްފައިވެއެވެ.

30ކުއްޖާގެ ބައްޕަގެ ގޭގައި ކުއްޖާ އެކަނި ހުއްޓާ މުޙައްމަދު މުނީރު ގޮސް ބެހުނުކަން ޝަރީޢަތުގެ މަޖިލީހުގައި ވެސް ކުއްޖާގެ ދައްތަ ފާހަގަކޮށްފައިވެއެވެ. އަދި މީގެ އިތުރުން ކުއްޖާގެ ދައްތަގެ ތަހުޤީޤު ބަޔާނާއި ޝަރީޢަތުގެ މަޖިލީހަށް ދިން ބަޔާނުގައި ވެސް ކުއްޖާގެ ދައްތަގެ ގޭގައި ކުއްޖާ އެކަނި ހުއްޓާ މުޙައްމަދު މުނީރު އެ ގެއަށް ވަދެ ކުއްޖާއާ ބެހުނު ކަމަށް ކުއްޖާ ކިޔައިދީފައިވާކަން ފާހަގަކުރެވެއެވެ.

31މި މައްސަލައިގައިވާ ހާދިސާތައް ހިނގީ 2014 ވަނަ އަހަރުގެ ޑިސެންބަރު މަހުން ފެށިގެންނެވެ. އެހެންނަމަވެސް، 2014 ވަނަ އަހަރުގެ ކުރީކޮޅުގައި، މުޙައްމަދު މުނީރު ކުޑަކުއްޖާއާމެދު ބަދު އަޚްލާޤީ ޢަމަލު ހިންގާކަމުގެ މައްސަލައެއް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅުނެވެ. އަދި އެ މައްސަލައާ ގުޅިގެން މުޙައްމަދު މުނީރު ބަންދުކުރިއެވެ. އެ މައްސަލައިގައި މުޙައްމަދު މުނީރުގެ މައްޗަށް ދަޢުވާކުރަން ކްރިމިނަލް ކޯޓަށް ހުށަހެޅުމުގެ ކުރިން، މުޙައްމަދު މުނީރު ބަންދުން ދޫވެ ހުރީ ގޭގައެވެ. މިހާރު ބަލަމުން މިދާ މައްސަލައިގައިވާ ހާދިސާތައް ހިނގީ މުޙައްމަދު މުނީރު ބަންދުން ދޫވެފައިހުރި ދުވަސްވަރެވެ. 2014 ގެ ކުރީކޮޅު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅުނު މައްސަލައާއި، 2014 ގެ ފަހުކޮޅު ހިނގި ކަންތައްތަކާ ގުޅޭ މައްސަލައާ ދެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅީ 21 އޭޕްރިލް 2015 ގައެވެ.

32ކުއްޖާގެ ދައްތައަކީ މީގެ ކުރިން ގދ. ފިޔޯރީގައި ދިރިއުޅެމުން ދިޔަ މީހެއް ކަމުގައި ވީނަމަވެސް، ދައްތަ ގއ. ކަނޑުހުޅުދޫއަށް ދިރިއުޅުން ބަދަލުކުރީ 2015 ވަނަ އަހަރުގެ ޖަނަވަރީގައެވެ. މި މައްސަލައިގައި ކުއްޖާގެ ދައްތަ ތަހުޤީޤަށް ދިން ބަޔާނުގައި ކުއްޖާ އޭނާގެ ގެއަށް ބަދަލުވީ ކުއްޖާގެ މަންމަގެ އެދުމުގެ މަތިން ކަމަށް ބުނެފައިވެއެވެ. އޭރު މުޙައްމަދު މުނީރުގެ މައްޗަށް ކުއްޖާއާމެދު ޖިންސީ ގޯނާ ކުރުމުގެ ޝަކުވާ އޮތީ މޯލްޑިވްސް ޕޮލިސް ސަރވިސްގައި އުފުލާފައެވެ. އަދި ބަންދުން ދޫވެ މުޙައްމަދު މުނީރުގެ މައްޗަށް ދަޢުވާ އުފުލުމުގެ ކުރިން، މުޙައްމަދު މުނީރު ހުރީ ގޭގައި، އަނިޔާ ލިބުނު ކުއްޖާއާ އެއް މަޙައްލެއްގައެވެ.

33ކުއްޖާ އޭނާގެ ދައްތަ ދިރިއުޅޭ ގެއަށް ބަދަލު ވީނަމަވެސް، ދައްތަ ދިރިއުޅެމުން ގެންދިޔައީ ކުއްޖާގެ މަންމައާއި މުޙައްމަދު މުނީރުއާ ދެމީހުން ދިރިއުޅެމުން ގެންދިޔަ ގޭގެ ކުރިމަތީގައި ހުރި ގޭގައެވެ. އަދި ދައްތަގެ އަމިއްލަ ދަރިން ތިބޭކަން އެނގެން އޮންނައިރު، ޤުރުޢާން ކްލާސް، ސްކޫލް ފަދަ އެ ކުދިންނާ ގުޅޭ ދުވަހުން ދުވަހަށް ކުރާ (ރޫޓީން) ކަންކަމުގައި ދައްތަ އާއި އެ ގޭގައި ދިރިއުޅޭ އެހެން މީހުން ގޭގައި ނޫޅޭނެ ވަގުތު ބެލުމުގެ ފުރުޞަތު މުޙައްމަދު މުނީރަށް އޮންނާނެ ކަމަށް ޤަބޫލުކުރެވެއެވެ.

34މީގެ އިތުރުން، ކުއްޖާގެ ބައްޕަގެ ގޭގައި އިންދާ މުޙައްމަދު މުނީރު އެ ގެއަށް ވަދެ ކުއްޖާއާމެދު ޖިންސީ ޢަމަލު ހިންގި ކަމަށް ބުނާ ހާދިސާއާ ގުޅިގެން، އެ ބުނާ ދުވަހަކު (މައްސަލަ ކުއްޖާގެ ދައްތައަށް ކިޔައިދިން ދުވަހު) ކުއްޖާގެ ބައްޕަގެ ގެއަށް ވަދެ ކުއްޖާއާ ވާހަކަ ދެއްކި ކަމަށް މުޙައްމަދު މުނީރު ތަޙުޤީޤަށް ދިން ބަޔާނުގައި ބުނެފައިވެއެވެ. އެ ބަޔާނުގައި ކުއްޖާގެ ބައްޕަގެ ގޭގައި ކުއްޖާ އިންދާ ކުއްޖާ ކައިރީ ސްކޫލަށް ނުދަނީ ކީއްވެހޭ އެހި ކަމަށް މުޙައްމަދު މުނީރު ބުނެފައިވެއެވެ. އަދި ކުއްޖާއަށް ސްކޫލަށް ނުދެވެނީ ކުއްޖާ އަތުގައި އޮތް ފޯނަކާ ހެދި ކަމަށް މުޙައްމަދު މުނީރު ބުނި ކަމަށް އެ ބަޔާނުގައިވެއެވެ. މިއާ ޚިލާފަށް ކުޑަކުއްޖާގެ ބަޔާނުގައި، މުޙައްމަދު މުނީރު ކުއްޖާ ގާތު އަހާފައިވަނީ ކީއްވެގެންތޯ ކުއްޖާ މުޙައްމަދު މުނީރުގެ ގެއަށް ނުގޮސްގެން އުޅެނީ އަދި އެ ގޭގައި ކުއްޖާ ހުރުމުން މުޙައްމަދު މުނީރު ހިތްހަމަޖެހޭ ކަމަށް މުޙައްމަދު މުނީރު ބުނި ކަމަށެވެ.

35މުޙައްމަދު މުނީރު ތަޙުޤީޤަށް ދިން ބަޔާނުގައި ކުއްޖާ މުޙައްމަދު މުނީރުގެ ގެއިން ދައްތަގެ ގެއަށް ބަދަލުވި ސަބަބަކީ ކުއްޖާއަށް މުޙައްމަދު މުނީރުގެ ގޭގައި ނުހުރެވޭނެ ކަމަށް މުޙައްމަދު މުނީރު ބުނުމުން ކަމަށް ފާހަގަކޮށްފައިވެއެވެ. މުޙައްމަދު މުނީރުގެ މައްޗަށް ކުއްޖާއާ މެދު ޖިންސީ ގޯނާ ކުރާކަމުގެ ހުތުރު ތުހުމަތެއް ކުރެވިފައިވާއިރު، އަދި އެކަމާ ގުޅިގެން ބަންދެއްގައި ހުރެ ގެއަށް ބަދަލުވީފަހުން، މުޙައްމަދު މުނީރުގެ މައްޗަށް ކުރެވޭ ތުހުމަތުތަކަކީ ދޮގު ތުހުމަތުތަކެއް ކަމަށް މުޙައްމަދު މުނީރު ބުނާއިރު، ކުއްޖާގެ ބައްޕަގެ ގޭގައި ކުއްޖާ ހުއްޓާ، އެ ގެއަށް ވަދެ އެކަހެރި ތަނެއްގައި ހުރެ ކުއްޖާއާ އެއްވެސް މުޢާމަލާތެއް މުޙައްމަދު މުނީރު ކުރަންޖެހޭ ސަބަބެއްނެތެވެ.

36މި މައްސަލައިގައި ކުއްޖާގެ ދައްތަ ދީފައިވާ ހެކިބަހާއި ކުއްޖާ ކިޔައިދީފައިވާ ކިޔައިދިނުމުގައި ހާދިސާ ފުށުއެރުމެއް ވާ ކަމަށް ނުފެނެއެވެ. ނަމަވެސް ދައްތަ ދީފައިވާ ހެކިބަހުގައި ކުއްޖާއާއެކު ވަރަށް ގިނަ ކަންތައް ކުރި ކަމަށް ބުނެފައިވެއެވެ. އަދި ކުއްޖާގެ އުރަމަތީގައި އަނގަޖެހި ކަމަށާއި، ތަފާތު އެކި ދުވަސްމަތީން ކުއްޖާއާމެދު ޖިންސީ ގޯނާކޮށްފައިވާ ކަމަށް ކުއްޖާ ބުނެފައިވާކަން އެނގެން އޮތުމުން، ކުއްޖާގެ ދައްތައަށް ކިޔައިދިން ދިނުމުގައި އިތުރު ތަފްޞީލު ހުރިކަން ފާހަގަވެއެވެ.

37އަދި 24 ފެބްރުވަރީ 2016 ގައި ގއ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރގެ އެސިސްޓެންޓް ސޯޝަލް ސަރވިސް ވޯކަރ މިލްމާ ފިކުރީ ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދީފައިވާ ބަޔާނުގައި، މި މައްސަލައާ ގުޅިގެން ހެދިފައިވާ ކުއްޖާގެ ޙާލަތު ބަޔާންކުރާ ރިޕޯޓު ހަދާފައިވަނީ މިލްމާ ފިކުރީ ކަމަށާއި، އެ ރިޕޯޓުގައިވަނީ ކުއްޖާއާ ސުވާލުކުރީމާ ޖަވާބުދިން ގޮތަށް ކަމަށް ބުނެފައިވެއެވެ. ކުއްޖާގެ ޙާލަތު ބަޔާންކުރާ ރިޕޯޓުގައި ކުއްޖާ ކިޔައިދީފައިވާ ކިޔައިދިނުމާއި މި މައްސަލައިގައި ކުއްޖާ ދީފައިވާ ބަޔާނުގައި މައްސަލައިގެ ހާދިސާ ކިޔައިދީފައިވަނީ އެއްގޮތަށްކަން ފާހަގަކުރެވެއެވެ. އަދި އެ ސެންޓަރަށް ފާހަގަކުރެވުނު ކަންތައްތަކުގެ ތެރޭގައި މި ވާހަކަތައް ކިޔައިދިނުމަށް ކުއްޖާއަށް އުދަނގޫވެފައި ވަގުތު ނެގި ކަމަށާއި، ކުއްޖާގެ މަންމަ، ކުއްޖާގެ ވާހަކަތައް ޤަބޫލުނުކުރުމުން ކުއްޖާހުރީ މަންމަ ދެކެ ވަރަށް ފޫހިވެ، މަންމައާ އެކު އެއްވެސް ގުޅުމެއް ބާއްވަން ބޭނުން ނުވެ ކަމަށާއި، އަދި މި ވާހަކަތައް ކުރިން ކިޔައި ނުދިނީ ބިރުން، މަންމަ ރުޅި އައިސްދާނެތީ ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ތަކުރާރުކޮށް މުޙައްމަދު މުނީރުގެ ފަރާތުން އަނިޔާ ލިބުމުން، ކުއްޖާ ހުރީ ނަފްސާނީ ގޮތުން ބިރުގަނެ، ކުއްޖާގެ ކިޔެވުމަށްވެސް އަސަރުކޮށްފައިވާ ކަމަށް އެ ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވެއެވެ. އަދި ކުއްޖާ މި ވާހަކަތައް ދެއްކުމުން، އެހެންމީހުން ކުއްޖާއާ ދޭތެރޭ ދެކޭގޮތް ތަފާތުވެ، އެހެންމީހުންގެ މަލާމާތާއި ފުރައްސާރަ ކުރިމަތިވާނެ ކަމަށް ކުއްޖާ އަމިއްލައަށް ޤަބޫލުކުރާ ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.

38މީގެ އިތުރުން، މި މައްސަލައާ ގުޅިގެން ފުލުހުންގެ ހާޒިރުގައި ކުއްޖާ ދީފައިވާ ބަޔާނުގައި ބުނެފައިވަނީ މި މައްސަލައިގައި ކުއްޖާ ކިޔައިދިންގޮތުން ކުއްޖާގެ ޖިންސީ ގުނަވަން ތެރެއަށް މުޙައްމަދު މުނީރު އަތްކޮއްޕާ ހަދައި އެގޮތުން ކުއްޖާގެ ޖިންސީ ގުނަވަނުގައި ތަފާތު އެކިދުވަސްމަތިން އަތްލާ ހަދާފައިވާ ކަމަށެވެ. އަދި އެގޮތަށް ކަންތައް ކުރަނީ ކުއްޖާ އެކަނި ގޭގައި އުޅޭ ވަގުތުގައި ކަމަށެވެ. ތިން ގެއެއްގައި މުޙައްމަދު މުނީރު އެ ކަންތައް އެ ކުއްޖާއާމެދު ހިންގި ކަމަށާއި، އެއީ މުޙައްމަދު މުނީރުގެ އަމިއްލަ ގެއާއި، ކުއްޖާގެ ދައްތަގެ ގޭގައި އަދި ކުއްޖާގެ ބައްޕަގެ ގޭގައި ކަމަށެވެ. އެ ވާހަކަތައް ކުއްޖާގެ ދައްތައަށް ކިޔައިދިން ކަމަށް ކުއްޖާ ބުނެފައިވާ ކަމަށާއި، މި ކަންތައް މުޙައްމަދު މުނީރު ހިންގަން ފެށީ ކުއްޖާގެ މަންމައާ މުޙައްމަދު މުނީރު އިނދެގެން އެ ގެއަށް ދިރިއުޅުން ބަދަލުކުރިތާ މާގިނަ ދުވަހެއްނުވެ ކަމަށް ބުނެފައިވާ ކަމަށެވެ. އަދި ކުއްޖާއަށް ޖިންސީ ގޯނާ ލިބުނުއިރު ވެސް އެ މައްސަލައިގައި ކުއްޖާ އެއްވެސް މީހެއްގެ ކައިރީގައި އެ ވާހަކަ ނުބުނެހުރި ކަމަށާއި، އެއްވެސް އެއްޗެކޭ ނުބުނެހުރީ ކުއްޖާ ބިރުން ކަމަށް ކުއްޖާ ތަޙުޤީޤުގައި ކިޔައިދީފައިވާ ކަމަށެވެ.

39މި މައްސަލައިގައި ކުއްޖާ ތަޙުޤީޤަށް ކިޔައިދީފައިވާ ކިޔައިދިނުމާއި ގއ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރގެ އެސިސްޓަންޓް ސޯޝަލް ސަރވިސް ވޯކަރއަށް ކިޔައިދީފައިވާ ކިޔައިދިނުމާއި، ކުއްޖާގެ ދައްތައަށް ހާދިސާ ހިނގާދިޔަ ގޮތް ކަމަށް ބުނެ ކިޔައިދީފައިވާ ކިޔައިދިނުމުގައި ފުށުއެރުމެއްވާކަން ފާހަގަނުކުރެވެއެވެ. އަދި ހެކިންގެ ހެކިބަހުގައި ފުށުއެރުމެއްވާ ކަމަށް މުޙައްމަދު މުނީރުގެ ފަރާތުން ފާހަގަކޮށްފައި ވެސް ނުވެއެވެ. އަދި ކުއްޖާގެ ބައްޕަގެ ގޭގައި މުޙައްމަދު މުނީރު ކުއްޖާއަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ ދުވަހުގައި، މުޙައްމަދު މުނީރުގެ ބަހުން ވެސް އެދުވަހު ހާދިސާ ހިނގި ކަމަށް ބުނާ ގަޑީގައި ކުއްޖާގެ ބައްޕަގެ ގެއަށް މުޙައްމަދު މުނީރު ދިޔަކަން އެނގެއެވެ.

40މީގެ އިތުރުން، މި މައްސަލައާ ގުޅިގެން ހުށަހަޅާފައިވާ މެޑިކޯލީގަލް ރިޕޯޓަށް ބަލާއިރު، މި ރިޕޯޓަކީ ކުއްޖާގެ ބައްޕަގެ ގޭގައި ކުއްޖާ ހުއްޓާ މުޙައްމަދު މުނީރު ޖިންސީ ގޯނާކުރި ދުވަސް ކަމަށް ބުނާ ދުވަހުގެ 2 (ދޭއް) ދުވަސް ފަހުން ހަދާފައިވާ ރިޕޯޓެކެވެ.

41އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ގަޒިއްޔާއަށް ބަލާއިރު، ކުއްޖާއާމެދު ޖިންސީ އަނިޔާކޮށްފައިވާ ކަމަށް ކުއްޖާގެ މެޑިކޯލީގަލް ރިޕޯޓުން ފާހަގަވާ ކަމަށް ރިޢާޔަތްކޮށް އެ ރިޕޯޓަށް މުޙައްމަދު މުނީރުގެ މައްޗަށް ކުށް ސާބިތުކުރުމުގައި ރިޢާޔަތްކޮށްފައިވާކަން އެނގެއެވެ.

42ކުއްޖާގެ މެޑިކޯލީގަލް ރިޕޯޓުގައި ކުއްޖާއަށް ޖިންސީ ހާނިއްކަ ކޮށްފައިވާ ކަމަށާއި، ބިކުރު ކެނޑިފައިވާ ކަމަށާއި، ދެ އިނގިލި ފަސޭހައިން ވައްދާލެވޭ ކަމަށާއި، ކުއްޖާގެ ކުރިމަތިފަރާތް ބޭނުންކޮށްގެން ޖިންސީ ހާނިއްކަ ކޮށްފައިވާ ކަމަށާއި، އަދި އެއީ ވަރަށް ފަހުން ހިނގި ކަމެއް ނޫން ކަމަށް ފާހަގަކޮށްފައިވެއެވެ.

43ކުއްޖާގެ ބިކުރު ނެތުމާއި އިނގިލި ވައްދާލެވުމަކީ ކުއްޖާއަށް "ކުރިމަތި ފަރާތް ބޭނުންކޮށްގެން ޖިންސީ ހާނިއްކަ ކޮށްފައި" ހުރުމުން ވެފައިވާ ކަމެއް ކަމަށް ނިންމުމަކީ ހަރުދަނާ ނިންމުމެއް ނޫންކަމަށާއި ބިކުރަކީ ޠަބީޢީގޮތުންވެސް ކެނޑޭ އެއްޗެއް ކަމަށް ބުނެ މުޙައްމަދު މުނީރުގެ ފަރާތުން މި ރިޕޯޓާމެދު ސުވާލު އުފައްދާފައިވެއެވެ. އަދި ރިޕޯޓުގައި މިއީ ވަރަށް ފަހުން ހިނގި ކަމެއް ނޫން ކަމަށް ފާހަގަކޮށްފައިވާއިރު، ކުއްޖާއަށް ޖިންސީ ގޯނާކޮށްގެން ކުއްޖާގެ ބޭބެގެ މައްޗަށް ވެސް ސާބިތުވެފައިވާ މައުލޫމާތު ލިބޭކަމަށާއި އެހެންކަމުން، ރިޕޯޓުގައިވާ އަނިޔާއަކީ މުޙައްމަދު މުނީރު ކުރި ޢަމަލެއްގެ ސަބަބުން ވީ ކަމެއް ކަމަށް ޤަބޫލުރަންޖެހޭ ޤާނޫނީ ސަބަބެއް ނެތް ކަމަށް މުޙައްމަދު މުނީރުގެ ފަރާތުން ބުނެއެވެ.

44މިކަމާގުޅޭ ގޮތުން ދައުލަތުން ބުނެފައިވަނީ މި މައުލޫމާތަކީ ކްރިމިނަލް ކޯޓުގައި މައްސަލަ ހިނގަމުންދިޔައިރު، އަދި ހައިކޯޓުން މައްސަލަ ނިންމުމަށްފަހު ވެސް ލިބިފައިވާ މައުލޫމާތެއް ނޫން ކަމަށާއި، މި މައުލޫމާތު ދައުލަތަށް ލިބިފައިވަނީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅި ފަހުންކަމަށެވެ. އަދި މި ދިފާއު މުޙައްމަދު މުނީރުގެ ފަރާތުން ކްރިމިނަލް ކޯޓުގައި އަދި ހައިކޯޓުގައި ވެސް ނަގާފައި ނުވާކަމަށެވެ.

45ދައުލަތުން ފާހަގަކުރާ ގޮތަށް މިއީ މުޙައްމަދު މުނީރުގެ ފަރާތުން ކްރިމިނަލް ކޯޓުގައި އަދި ހައިކޯޓުގައި ވެސް ފާހަގަކޮށްފައިވާ ދިފާއެއްނޫނެވެ.

46HN3ކުއްޖާގެ މެޑިކޯލީގަލް ރިޕޯޓުގެ ބޭނުމަކީ ކުއްޖާއަށް ޖިންސީ އަނިޔާއެއް ލިބިފައިވާކަން ދެނެގަތުމެވެ. އެގޮތުން މެޑިކޯ ލީގަލް ރިޕޯޓުން މައިގަނޑު ދެ ކަމެއް އަންގައިދެއެވެ. ފުރަތަމަ ކަމަކީ، ސިއްޙީ މާހިރަށް ކިޔައިދީފައިވާ ހިސްޓްރީ ބަޔާންކުރުމުން އެފަރާތަށް ފާޙަގަކުރެވޭ ކަންކަން (observations) ބަޔާންކުރުމެވެ. ދެވަނަ ކަމަކަށް ރިޕޯޓުގައި ބަޔާންކުރަނީ ސިއްޙީ މާހިރުގެ ރައުޔު (expert opinion) އެވެ. އަދި ކުއްޖާއަށް ޖިންސީ އަނިޔާއެއް ލިބިފައިވާކަން މެޑިކޯލީގަލް ރިޕޯޓުން ދައްކާނަމަ އެއީ ކުއްޖާ ބުނާ ބުނުމަށް ބާރު ލިބިދޭ ވަސީލަތެއްކަން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާއަށް ރިޢާޔަތްކުރުމުން އެނގެއެވެ.

47ކުއްޖާއަށް އެހެން މީހެއްގެ ފަރާތުން ޖިންސީ ގޯނާ ލިބިފައިވާ ކަމަށާއި، އެހެންކަމުން މެޑިކޯ ލީގަލް ރިޕޯޓުން ފާހަގަވާން ހުރި ކަންކަމަކީ މުޙައްމަދު މުނީރުގެ ފަރާތުން ލިބިފައިވާ ގެއްލުން ކަމަށް ކަނޑައަޅަންޖެހޭ ޤާނޫނީ ސަބަބެއް ނެތް ކަމަށް މުޙައްމަދު މުނީރުގެ ފަރާތުން ބުނިނަމަވެސް، މެޑިކޯ ލީގަލް ރިޕޯޓަކުން ވަކި މީހަކު ކުއްޖާއާމެދު ޖިންސީ ގޯނާ ކޮށްފައިވާކަމެއް އަންގައެއް ނުދޭނެއެވެ. ރިޕޯޓުން އަންގައިދޭނީ ކުއްޖާއަށް ޖިންސީ އަނިޔާ ލިބިފައިވާކަން ނުވަތަ ނޫންކަމެވެ. އަދި ޖިންސީ އަނިޔާ ލިބިފައިވަނީ ކާކުގެފަރާތުންކަން ސާބިތުކުރުމަށް ބޭނުންކުރެވޭނެ ހެކީގެ ނިސްބަތް އެވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (ށ) އަދި (ރ) ފިޔަވައި އެހެން އަކުރުތަކުގައި ބަޔާންކުރެވިފައެވެ. ކުއްޖާއަށް ޖިންސީ އަނިޔާ ލިބިފައިވާ ކަމަށް ފޮރެންސިކް ތަޙުލީލުން ދައްކާނަމަ، އެއީ ކުއްޖާއަށް ޖިންސީ ގޯނާ ލިބިފައިވާ ކަމަށް ބާރުލިބިދޭ ވަސީލަތެކެވެ. އެހެންކަމުން، މުޙައްމަދު މުނީރުގެ ފަރާތުން ދައްކާފައިވާ މިވާހަކައިގައި ޤާނޫނީ ބުރަދަނެއް ހުރި ކަމަށް ޤަބޫލެއް ނުކުރެވެއެވެ.

48އެހެންކަމުން، މި މައްސަލައިގައި ކުއްޖާއަށް އަނިޔާ ލިބުނުގޮތުގެ ތަފްޞީލު ކިޔައިދީފައިވާ ގޮތާއި، އަދި އެ ކަމާބެހޭ ގޮތުން އެހެން މީހުން ކައިރީ ކުއްޖާ ދައްކާފައިވާ ވާހަކަތަކާ ފުށުއެރުމެއް ނެތި ދިމާވާކަން ފާހަގަކުރެވެއެވެ. އަދި ކުއްޖާގެ މެޑިކޯލީގަލް ރިޕޯޓުން ފާހަގަކުރެވިފައިވާ ކަންކަމަކީ ކުއްޖާ ބުނާ ބުނުމަށް އިތުރު ބާރު ލިއްބައިދޭ ކަމެއްކަމުގައިވާއިރު، މި މައްސަލައިގައި ހެކި ވަޒަންކޮށް، މުޙައްމަދު މުނީރުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފައިވަނީ ޤާނޫނީ އުސޫލުތަކާ އެއްގޮތަށް ކަމަށް ޤަބޫލުކުރެވެއެވެ.

ކުއްޖާ ހަދައިގެން ދައްކާ ވާހަކައެއް ކަމަށް ބުނާ ބުނުން

49މުޙައްމަދު މުނީރުއާމެދު ކުއްޖާ ވާހަކަ ހަދައިގެން ދައްކާނެ ކަމަށް ބުނެ މުޙައްމަދު މުނީރުގެ ފަރާތުން ސުޕްރީމް ކޯޓުގައި ބުނެފައިވަނީ ކުއްޖާ އޭނާގެ މަންމައާމެދު ފޫހިވެ މަންމަދެކެ ރުޅިއައިސްފައިވާ ކަމަށާއި، މަންމަ ރުޅި އައިސްދާނެތީ މަންމައާ ކަންކަން ހިއްސާކުރުމަށް ކުއްޖާ ބިރުގަންނަ ކަމަށް ލިޔެކިޔުންތަކުން އެނގެން އޮންނަ ކަމަށެވެ. އަދި މި ކަންކަން ގުޅިފައިވަނީ މުޙައްމަދު މުނީރުއާކަން އެނގެން އޮތުމުން، ކުއްޖާ މުޙައްމަދު މުނީރުއާ ދެކޮޅަށް ވާހަކަ ހަދައިގެން ދައްކާނެ ކަމުގެ އިޙުތިމާލު އޮތް ކަމަށެވެ.

50މި މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ލިޔެކިއުންތަކުން އެނގެނީ މުޙައްމަދު މުނީރު ކުއްޖާއަށް ސިލްސިލާކޮށް ޖިންސީ ގޯނާކޮށްފައިވާކަމެވެ. އަދި ހުށަހެޅިފައި މިވާ މައްސަލައަކީ ކުޑަކުދިންނާ ޖިންސީ ގޯނާ ކުރާކަމުގެ ތުހުމަތުގައި ފުލުހުން މުޙައްމަދު މުނީރުގެ މައްސަލައެއް ބެލި ދެވަނަ ފަހަރެވެ.

51މުޙައްމަދު މުނީރުގެ ފަރާތުން ކުއްޖާ، ކުއްޖާ މަންމަދެކެ ފޫހިވެފައި ހުންނަނީ މުޙައްމަދު މުނީރުގެ ސަބަބުން ކަމަށާ އެހެންކަމުން މުޙައްމަދު މުނީރުއާ މެދު ހަދައިގެން ވާހަކަ ދައްކާނެ ކަމުގެ އިހުތިމާލު އޮތް ކަމަށް ބުނެފައިވެއެވެ. އެއީ ކުއްޖާގެ މައިންބަފައިންގެ ކައިވެނި ރޫޅުމާ ގުޅިގެން އުފެދިފައިވާ ރުޅިވެރިކަމެއް ކަމަށް މުޙައްމަދު މުނީރުގެ ފަރާތުން ބުނެފައިވެއެވެ. އެހެންނަމަވެސް، ކުއްޖާގެ މަންމައާ މެދު ރުޅިވެރި ކަމެއް އޮތްނަމަ، އެ ރުޅިވެރި ކަމެއް މުޙައްމަދު މުނީރުގެ މައްޗަށް ފޭދިގެން ދިޔަ ގޮތެއް މުޙައްމަދު މުނީރަށް ބުނެދެވިފައިނުވެއެވެ. އަދި މި ބުނާ ރުޅިވެރި ކަމަކީ މީގެ ކުރިން ކްރިމިނަލް ކޯޓުގައި މި މައްސަލަ ހިނގަމުން ދިޔައިރު މުޙައްމަދު މުނީރުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކެއް ނޫންކަން ފާހަގަކުރެވެއެވެ.

52މީގެ އިތުރުން ގއ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުން ތައްޔާރުކުރި ކުއްޖާގެ ޙާލަތު ބަޔާންކުރާ ރިޕޯޓުގައި ކުއްޖާ ކުއްޖާގެ މަންމަ ދެކެ ފޫހިވާ ކަމަށާއި، މަންމައާ އެއްވެސް ގުޅުމެއް ބާއްވަން ބޭނުން ނުވާ ސަބަބު ކަމަށް ބުނެފައިވަނީ، ކުއްޖާއަށް ލިބެމުން ދިޔަ ޖިންސީ އަނިޔާގެ ވާހަކަތައް ކުއްޖާގެ މަންމަ ޤަބޫލު ނުކުރުމުންކަން އެ ރިޕޯޓަށް ބެލުމުން އެނގެން އޮވެއެވެ.

53ކުއްޖާ މި ވާހަކަތައް ދެއްކުމުން، އެހެންމީހުން ކުއްޖާއާ ދޭތެރޭ ދެކޭގޮތް ތަފާތުވެ، އެހެންމީހުންގެ މަލާމާތާއި ފުރައްސާރަ ކުރިމަތިވާނެ ކަމަށް ކުއްޖާ އަމިއްލައަށް ޤަބޫލުކުރާ ކަމަށް ފެމިލީ އެންޑް ޗިލްޑްރަން ސަރވިސްގެ ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވެއެވެ. އެހެންކަމުން، މިކަމުގެ ސަބަބުން ކުއްޖާއާ ދޭތެރޭ މީހުން ދެކޭނެ ގޮތާމެދު ކުއްޖާ ވިސްނާކަން އެނގެއެވެ. އަދި މި ވާހަކަތައް މި ދެކެވެނީ ކުއްޖާގެ ދޮންބައްޕައާމެދު ކަމަށް ވާތީ މި ވާހަކަތައް ކިޔައިދިނުމަށް ކުއްޖާ ޖެހިލުންވާ ކަމަށާއި ކުއްޖާ މި ވާހަކަތައް ކުރިން ކިޔައި ނުދިނީ ބިރުން ކަމަށާއި، މަންމަ ރުޅިއައިސްދާނެތީ ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި ފުލުހުންގާތު ވެސް ކުއްޖާ ބުނެފައިވަނީ އެއްވެސް އެއްޗެކޭ ނުބުނެހުރީ ބިރުންކަމަށެވެ.

54ތަކުރާރުކޮށް ކުއްޖާއަށް ޖިންސީ އަނިޔާލިބެމުންދާއިރު މި ވާހަކަތައް ސިއްރުކޮށްގެން ހުރުމަކީ މި ވާހަކަ ދެއްކުމުގައި ކުއްޖާގެ ނުބައި ނިޔަތެއް ނެތް ކަމަށް އިތުރަށް ބާރު ލިބޭ ކަމެކެވެ. އަދި ކުއްޖާގެ ދިރިއުޅުމުގެ ކަންކަން ހުރިގޮތުން، ކުއްޖާ އަކީ އޭނާގެ މަންމައާއި ދޮންބައްޕައާ އެކު ދިރިއުޅެމުން ދިޔަ، އެ މީހުންގެ އަޅާލުމާއި އޯގާތެރި ކަމަށް ބަރޯސާވަމުން ދިޔަ ކުޑަކުއްޖެކެވެ.

ޤާނޫނުއަސާސީގެ 51 ވަނަ މައްދާގެ (އ) އާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޙާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާ

55ކުރިންވެސް ފާހަގަކުރެވުނު ފަދައިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު މުޚްތާރު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ގަޒިއްޔާގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކުރާ ބާވަތްތަކުގެ ހެއްކަކީ އެއް ހެކި އަނެއް ހެއްކާ ވަކިން ރިޢާޔަތްކުރަން ހުރި ހެކި ތަކެއް ނޫން ކަމަށް ކަނޑައަޅާފައިވެއެވެ. އެއާ ޚިލާފަށް އެ މާއްދާގެ ދަށުން ހުށަހެޅޭ ހެކިތަކަކީ އެކަތި އަނެކައްޗާ ގުޅިފައިވާ، ކުއްޖާގެ ހެކިބަހުގެ ޞައްޙަކަން ކަނޑައެޅުމަށްޓަކައި ޤާނޫނުން ބަލައިގަންނަ ވަސީލަތްތަކެކެވެ.

56HN4ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކުރާ ހެކީގެ ތެރެއިން މަދުވެގެން ފަސް ބާވަތެއްގެ ހެކި ހުރިނަމަ އެ ހެއްކަކީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ފަދައިން، އެކަށީގެންވާ މިންވަރަށް ޝައްކެއް ނެތި ކުށް ސާބިތުކުރުމަށް ފުދޭނެ ހެކި ކަމަށް ޤާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނަ އޮތުމަކީ، އެ މިންވަރަށް ހެކި ހުރުމާއެކު، އަސާސީ ފުށުއެރުންތައް ނުހުންނަ ޙާލަތްތަކުގައި މި ބާވަތުގެ މައްސަލަތަކުގެ ކުށް ސާބިތުކުރުމަށް ޤާނޫނު ފަހިކޮށްދޭ ވަސީލަތެކެވެ. ޤާނޫނުގެ 47 ވަނަ މާއްދާގެ ދަށުން ބަޔާންކުރާ ބާވަތްތަކުގެ ހެކީގެ ތެރެއިން ފަސް ބާވަތެއްގެ ހެކި ނެތުމަކީ ނުވަތަ ހެކި މަދުވުމަކީ، އެ މައްސަލައެއްގައި ހުށަހެޅޭ ދެން ހުރި ބާވަތްތަކުގެ ހެކީގެ ހަރުދަނާ ކަމަށް ރިޢާޔަތްކުރުމާއެކު، ޤާނޫނުއަސާސިގެ 51 ވަނަ މާއްދާގެ (އ) ގެ ދަށުން ކުށް ސާބިތުވުމަށް އޮތް ހުރަހެއް ނޫނެވެ. އެހެންގޮތަކަށް ބުނާ ނަމަ، ދެން ހުރި ހެއްކަކީވެސް އަނިޔާ ލިބުނު ކުއްޖާ ދައްކަނީ ހަމަ ޙަޤީޤަތުގައިވެސް ހިނގި ކަމެއްކަން ކޮރޮބޮރޭޓް ކުރެވޭވަރުގެ ނުވަތަ ގުޅުވައިދޭވަރުގެ ހެކިނަމަ، އެފަދަ ހެއްކަކީ އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ކުށް ސާބިތުވުމަށްޓަކައި ފުދޭނެ ހެއްކެވެ.

57ހުށަހެޅިފައި މިވާ މައްސަލައިގައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޢަލީ ޝާހު ވ. ދިވެހި ދައުލަތް ގަޒިއްޔާއާ ޙަވާލާދީ، މި މައްސަލައިގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގެ ދަށުން، ފަސް ބާވަތެއްގެ ހެކި ހުށަހެޅިފައި ނުވާ ކަމަށް ކަނޑައަޅާފައިވަނީ ރަނގަޅަށް ނޫންކަމުގައި ވީނަމަވެސް، މި މައްސަލައިގައި ހުށަހަޅާފައި ހުރި ހެއްކަށް ރިޢާޔަތް ކުރުމާއެކު، މުޙައްމަދު މުނީރުގެ މައްޗަށް ކުޑަކުއްޖަކާމެދު ޖިންސީ ގޯނާކޮށްފައިވާ ކުށް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށް ކަނޑައަޅާފައިވަނީ، މި މައްސަލައިގައި ކުރިން ފާހަގަކުރެވުނު ސަބަބުތަކަށްޓަކައި ރަނގަޅަށް ކަމަށް އަހުރެން ދެކެމެވެ.

58އެހެންކަމުން، މި މައްސަލާގައި ހުށަހެޅުނު ހެއްކަށް ރިޢާޔަތްކޮށް މުޙައްމަދު މުނީރުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހައިކޯޓުގެ ނަންބަރު 2018/HC-A/239 ގަޒިއްޔާގައި ކަނޑައަޅާފައިވަނީ ޤާނޫނީ އުސޫލުތަކާ އެއްގޮތަށެވެ.

ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު

59މި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު

60މި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމުން، ކްރިމިނަލް ކޯޓުގެ ނަންބަރު 275/Cr-C/2015 ގަޒިއްޔާގައި މުނީރުގެ މައްޗަށް ޤާނޫނު ނަންބަރު 2009/12 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ހ) ގެ ދަށުން އިތުބާރު ކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުން މުޙައްމަދު މުނީރު ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި، ކުށުގެ އުޤޫބާތެއްގެ ގޮތުން ބުނެވުނު މާއްދާގެ (ށ) ގެ ދަށުން 15 (ފަނަރަ) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކޮށްފައިވާ ޙުކުމަށް ތާއީދުކޮށް، އިސްތިއުނާފު ކުރެވޭ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/239 ގަޒިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތް ކަމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.

މި ގަޒިއްޔާ ބަލައި ޙުކުމް ކުރީ:

މަޙާޒު ޢަލީ ޒާހިރުއަޒްމިރާލްދާ ޒާހިރުޙުސްނުއްސުޢޫދު(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 1 ވަނަ މާއްދާގެ (ހ)
  • ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ހ) އަދި (ށ)
  • ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 47 ވަނަ މާއްދާ
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ)
  • ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުޚްތާރު (ސުޕްރީމް ކޯޓު)
  • ދިވެހި ދައުލަތް (އެޓަރނީ ޖެނެރަލްގެ އޮފީސް) ވ. ޢަލީ ޝާހް (ސުޕްރީމް ކޯޓު)

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ