ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
[2021] SC 21 · 2021/SC-A/07

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ޝަމީމް

ސުޕްރީމް ކޯޓުދަށުކޯޓުގެ ނިންމުން ބާޠިލު
1 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 28 ފެބުރުއަރީ 2021ދަށު ކޯޓު: ކްރިމިނަލް ކޯޓު (20/Cr-C/2018)ބާވަތް: ޖިނާއީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
2020/HC-A/297، 20/Cr-C/2018
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން، އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލު ހިންގުމުގެ ދަޢުވާ ކްރިމިނަލް ކޯޓުގައި އުފުލިއެވެ. ކްރިމިނަލް ކޯޓުގެ 20/Cr-C/2018 ޤަޟިއްޔާގައި، ޝަރީޢަތުގެ ކުރިން ހުށަހެޅި ހުށަހެޅުމަކާ ގުޅިގެން، ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 120 ވަނަ މާއްދާގެ (ނ) އާ ހަވާލާދީ ދަޢުވާ ބެލޭނެ ތަނެއް ނެތް ކަމަށް ނިންމިއެވެ. ހައިކޯޓުގެ 2020/HC-A/297 ޤަޟިއްޔާގައި، ހައިކޯޓުގެ 2019/HC-N-A/17 ޤަޟިއްޔާއަށް ބިނާކޮށް އެ ނިންމުމަށް ތާއީދުކުރިއެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރިއެވެ.
ވާޤިޢާ
އަނިޔާ ލިބުނު ކަމަށް ބުނާ ކުއްޖާގެ އުމުރަކީ 19 އަހަރެވެ. ކުއްޖާއަކީ ބުއްދީގެ ތަޞައްރުފު ނުފުދޭ ކުއްޖެއްކަން ސާބިތުކުރުމަށް، މޯލްޑިވްސް އިންސްޓިޓިއުޓް ފޯރ ސައިކޮލޮޖިކަލް ސަރވިސަސް ޓްރެއިނިންގ އެންޑް ރިސަރޗް (މިޕްސްޓަރ) ގެ ކްލިނިކަލް ސައިކޮލޮޖިސްޓަކު ތައްޔާރުކުރި ރިޕޯޓު ދައުލަތުން ހުށަހެޅިއެވެ. ރިޕޯޓު ތައްޔާރުކުރި ސައިކޮލޮޖިސްޓް ކްރިމިނަލް ކޯޓަށް ޙާޟިރުވެ، ކުއްޖާގެ "ސިކުނޑީގެ އުމުރު" އަކީ 10 އަހަރާއި 2 މަސް ކަމަށް ބުނެ، އެ ނަތީޖާއަށް ވާޞިލުވި ގޮތް ކިޔައިދިނެވެ. ރިޕޯޓު ތައްޔާރުކުރި ތާރީޚުގައި އޭނާއަށް މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލްގެ ލައިސަންސް ހުރި ކަމަށް ދައުލަތުން ބުނެ، އެކަމާމެދު ސުވާލު އުފައްދާފައި ނުވެއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގެ ބޭނުމަށް، 18 އަހަރުން މަތީގެ މީހަކީ ބުއްދީގެ ތަޞައްރުފު ނުފުދޭ މީހެއްކަން ސާބިތުކުރުމަށް ސަރުކާރުގެ ނުވަތަ ސަރުކާރުން ޤަބޫލުކުރާ އިދާރާއެއްގެ ރަސްމީ ލިޔުމެއް ލާޒިމުތޯ، ނުވަތަ ހުއްދަ ލިބިފައިވާ ސައިކޮލޮޖިސްޓެއްގެ ރިޕޯޓު ބަލައިގަނެވޭތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ، ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 60 ވަނަ މާއްދާގެ (ށ) ގައި ސަރުކާރުގެ އިދާރާއެއްގެ ލިޔުމެއް ލާޒިމުނުކުރާއިރު، މިޕްސްޓަރގެ ރިޕޯޓު ބަލައިނުގަތުމަކީ އެ މާއްދާއާ ޚިލާފު ކަމެއް ކަމަށެވެ. ދަޢުވާ ލިބުނު ފަރާތުން ބުނީ، ހައިކޯޓުގެ 2019/HC-N-A/17 ޤަޟިއްޔާ ބާޠިލުކޮށްފައި ނުވާތީ، އެ ޤަޟިއްޔާގައިވާ ގޮތަށް ސަރުކާރުގެ ނުވަތަ ސަރުކާރުން ޤަބޫލުކުރާ ރަސްމީ ލިޔުމެއް ދައުލަތުން ހުށަހަޅަން ޖެހޭ ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ސުޕްރީމް ކޯޓުން ފާހަގަކުރީ، ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 60 ވަނަ މާއްދާގެ (ށ) ގައި ވަކި އިދާރާއެއްގެ ލިޔުމެއް ލާޒިމުނުކުރާ ކަމަށާއި، ހައިކޯޓުގެ 2019/HC-N-A/17 ޤަޟިއްޔާގައި އެ ޝަރުޠު ކަނޑައެޅި ސަބަބު ބަޔާންކޮށްފައި ނުވާކަމަށެވެ. ބިހޭވިއަރަލް ސައިންސްގެ ޕްރޮފެޝަނަލުން ތަންޒީމުކުރަނީ ޤާނޫނު ނަންބަރު 13/2015 (ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނު) ގެ 45 ވަނަ މާއްދާއާއި 46 ވަނަ މާއްދާގެ ދަށުން މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލުން ކަމަށާއި، ރިޕޯޓު ތައްޔާރުކުރި ފަރާތަކީ ލައިސަންސް ހުރި ފަރާތެއް ކަމުން، އެ ރިޕޯޓު ބަލައިނުގަތުމަކީ ޤާނޫނީ ހަމައެއްގެ މައްޗަށް ބިނާވާ ކަމެއް ނޫނެވެ. ޤާނޫނުގައި ނެތް އައު ތަކުލީފުތައް ކޯޓުތަކަށް ތަޢާރުފު ނުކުރެވޭތީ، ދެ ދަށު ކޯޓުގެ ނިންމުން ބާޠިލުކޮށް، ދަޢުވާ އަލުން ހުށަހަޅައިފިނަމަ ކްރިމިނަލް ކޯޓުން ބަލައިގަނެ ހިންގަން ޖެހޭ ކަމަށް ކަނޑައެޅިއެވެ.

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

ހައިކޯޓާއި ކްރިމިނަލް ކޯޓުގެ ނިންމުން ބާޠިލު؛ ދަޢުވާ އަލުން ހުށަހަޅައިފިނަމަ ކްރިމިނަލް ކޯޓުން ބަލައިގަނެ ހިންގަން (އިއްތިފާޤުން)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގެ ދަށުން ދައުލަތުގެ ވަކި އިދާރާއެއްގެ ލިޔުމެއް އޮތުން ލާޒިމުނުކުރާކަން ފާހަގަކުރެވެއެވެ.

HN2 ކޮންމެ ކޮންމެ މީހަކަށް ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތެއް ނުކުރެވޭނެއެވެ. އެފަދަ މަސައްކަތެއް ކުރެވޭނީ ޤާނޫނާއި ގަވާއިދުގައިވާ ގޮތުގެ މަތިން ފުރިހަމަކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަކުރުމާއެކު، އެފަދަ ފަރާތްތައް ރަޖިސްޓްރީކޮށް، ދޫކުރާ ލައިސަންސެއްގެ ދަށުންނެވެ.

HN3 ޤާނޫނުގައި މި ފަންނުގެ ފަރާތްތައް މަސައްކަތްކުރަންޖެހޭ ގޮތާއި މަސައްކަތް ކުރަން ދޫކުރެވޭ ލައިސަންސް ނުވަތަ ރެޖިސްޓްރޭޝަންގެ ކަންކަން އޮންނާނެ ގޮތް ބަޔާންކޮށްފައިވާއިރު، އަދި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާއިމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގެ ބޭނުމަށްޓަކައި 18 އަހަރުންމަތީގެ ކުއްޖެއް އެއީ ބުއްދީގެ ގޮތުން ތަޞައްރުފު ނުފުދޭ ކުއްޖެއްކަން ސާބިތުކުރުމަށްޓަކައި ވަކި ތަނެއްގެ ލިޔުމެއް ހުށަހަޅަން ޖެހޭނެކަމަށް ޚުދު އެ ޤާނޫނުގައިވެސް ކަނޑައަޅާފައިނުވާއިރު، މި ބާވަތުގެ ކަންކަމަށް ސަރުކާރުގެ ވަކި އިދާރާއެއްގެ ލިޔުމެއް އޮންނަންވާނެކަމަށް ބުނެ އިތުރު އައު ތަކުލީފުތަކެއް ކޯޓުތަކަށް ތައާރުފު ނުކުރެވޭނެއެވެ.

HN4 ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާއިމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގެ ބޭނުމަށްޓަކައި، 18 އަހަރުންމަތީގެ ކުއްޖެއް އެއީ ބުއްދީގެ ގޮތުން ތަޞައްރުފު ނުފުދޭ ކުއްޖެއްކަން ސާބިތުކުރުމަށްޓަކައި ކަމާބެހޭ ޤާނޫނުތަކުން ހުއްދަކުރާ އަދި ހުއްދަ ލިބިފައިވާ ކޮންމެ ފަރާތެއްގެ ލިޔުމެއް ޝަރީޢަތަށް ބަލައިގަނެވިދާނެއެވެ.

HN5 ސައިކޮލޮޖިސްޓް ރިޕޯޓަކީ ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނުގައިވާ ގޮތުގެ މަތިން، އެ ފަންނުގެ ހުއްދަ ލިބިފައިވާ ފަރާތަކުން ތައްޔާރުކޮށްފައިވާ ރިޕޯޓެއްކަމުގައިވާތީ އެ ރިޕޯޓަކީ ޤާނޫނީ ގޮތުން ބަލައިގަނެވޭނެ، އަދި އެ ރިޕޯޓުގައިވާ ކަންކަން ނަފީ ނުކުރެވޭހާ ހިނދަކު، ޝަރީޢަތުން އެކަންކަމަށް ބުރަދަން ދޭންޖެހޭނެ ރިޕޯޓެކެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޑރ. އަޒްމިރާލްދާ ޒާހިރު (ރިޔާސަތު)، ޢާއިޝާ ޝުޖޫން މުޙައްމަދު، ޑރ. މުޙައްމަދު އިބްރާހީމް
ރިޔާސަތު
ޑރ. އަޒްމިރާލްދާ ޒާހިރު
ރައުޔު ލިޔުނު ފަނޑިޔާރު
ޑރ. އަޒްމިރާލްދާ ޒާހިރު · ތާއީދުކުރެއްވީ: ޢާއިޝާ ޝުޖޫން މުޙައްމަދު، ޑރ. މުޙައްމަދު އިބްރާހީމް
ޚިލާފު ރައުޔު
ނެތް
މި ކޯޓުގައި
ހުށަހެޅުނީ 4 ޖަނަވަރީ 2021 · ރަޖިސްޓްރީކުރީ 22 ފެބުރުއަރީ 2021 · ނިމުނީ 28 ފެބުރުއަރީ 2021 (6 ދުވަސް)

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

2021/SC-A/07

ޝަރީޢަތް ނިމުނުގޮތް

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ޝަމީމް

ފަނޑިޔާރުންގެ މަޖިލިސް

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްނިމުނު ތާރީޚު

28 ފެބްރުއަރީ 2021އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ

2020/HC-A/297

އިސްތިއުނާފު ރައްދުވާ ފަރާތް

އިސްތިއުނާފުކުރާ ފަރާތް

އިބްރާހީމް ޝަމީމް، ފުރުއްމާގެ / ރ.ވާދޫ (ދ.ރ އަންގައިދޭ ކާޑު ނަންބަރު A012261) ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ޤާނޫނީ ވަކީލު:

އަލްއުސްތާޛު މުޙައްމަދު ޝާހު، ސޯސަންމާގެ ޤާނޫނީ ވަކީލު:އެސިސްޓެންޓް ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ މަރްޔަމް ފެޒްލީން،

ޕަބްލިކް ޕްރޮސިކިއުޓަރ

އަލްއުސްތާޛާ ފަރަހަނާޒް މުޙައްމަދުދީދީ

ޝަރީޢަތުގެ ކުރިން ހުށަހެޅި ހުށަހެޅުމަކާ ގުޅިގެން ކްރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުން، ޤާނޫނު ނަންބަރު 12/2009 ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާއިމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ)، ބުއްދީގެ ތަޞައްރުފު ނުފެދޭކަން ސާބިތުކުރުމަށްޓަކައި ސަރުކާރުގެ ނުވަތަ ސަރުކާރުން ޤަބޫލުކުރާ އިދާރާއެއްގެ ލިޔުން އޮތުން ލާޒިމުތޯ ނުވަތަ ނޫންތޯ، ޤާނޫނު ނަންބަރު 13/2015 ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނު، ބިހޭވިއަރަލް ސައިންސްގެ ޕްރޮފެޝަނަލުން، ސައިކޮލޮޖިސްޓް ރިޕޯޓު

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ޝަމީމް

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި)

ތަޢާރުފު

1މި މައްސަލައަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާއިމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން އިބްރާހީމް ޝަމީމުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދަޢުވާކުރުމުން، އިބްރާހީމް ޝަމީމްގެ ފަރާތުން ޝަރީޢަތުގެ ކުރިން ހުށަހެޅި ހުށަހެޅުމަކާ ގުޅިގެން ކްރިމިނަލް ކޯޓުގެ ނަންބަރު 20/Cr-C/2018 ގަޒިއްޔާގައި އެ ދަޢުވާ ބަލާނެ ތަނެއް ނެތްކަމަށް ކަނޑައެޅުމުން އުފެދުނު މައްސަލައެކެވެ.

2ކްރިމިނަލް ކޯޓުގެ ނަންބަރު 20/Cr-C/2018 ގަޒިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2020/HC-A/297 ގަޒިއްޔާއިންނެވެ. އަދި އެ ގަޒިއްޔާއިން ކްރިމިނަލް ކޯޓުގެ ނަންބަރު 20/Cr-C/2018 ގަޒިއްޔާއަށް ތާއީދުކޮށްފައިވެއެވެ.

3މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/297 ގަޒިއްޔާގެ ޙުކުމް ބާޠިލުކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހެޅުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބެލި މައްސަލައެވެ. މި ގަޒިއްޔާގައި މައިގަނޑު ގޮތެއްގައި ކަނޑައަޅަންޖެހެނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާއިމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގައި "ކުޑަކުއްޖަކު" ގެ މާނައިގެ ތެރޭގައި އުމުރުން 18 އަހަރު ފުރިފައިވީނަމަވެސް ބުއްދީގެ ތަޞައްރުފު ނުފުދޭ ކުދިން ހިމެނޭތީ، ބުއްދީގެ ތަޞައްރުފު ނުފެދޭކަން ސާބިތުކުރުމަށްޓަކައި، ސަރުކާރުގެ ނުވަތަ ސަރުކާރުން ޤަބޫލުކުރާ އިދާރާއެއްގެ ލިޔުން އޮތުން ލާޒިމުތޯ ނުވަތަ ނޫންތޯއެވެ.

ކްރިމިނަލް ކޯޓުން މައްސަލަ ނިންމިގޮތް

4ކްރިމިނަލް ކޯޓުގެ ނަންބަރު 20/Cr-C/2018 ގަޒިއްޔާގައި އިބްރާހީމް ޝަމީމްގެ މައްޗަށް ކުރެވުނު ތުހުމަތަކީ، އިތުބާރު ކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ ޢަމަލު ހިންގުމުގެ ތުހުމަތެވެ. މި މައްސަލައިގައި އަނިޔާ ލިބުނު ކުއްޖާގެ އުމުރަކީ 19 (ނަވާރަ) އަހަރެވެ. އެހެންނަމަވެސް، އެ ކުއްޖާއަކީ ބުއްދީގެ ތަޞައްރުފު ނުފުދޭ ކުއްޖެއްކަމަށް ބުނެ، ދައުލަތުގެ ފަރާތުން މޯލްޑިވްސް އިންސްޓިޓިއުޓް ފޯރ ސައިކޮލޮޖިކަލް ސަރވިސަސް ޓްރެއިނިންގ އެންޑް ރިސަރޗް (މީގެ ފަހުން "މިޕްސްޓަރ") އިން ތައްޔާރުކުރި ރިޕޯޓެއް ޝަރީޢަތަށް ހުށަހެޅިއެވެ.

5މި ރިޕޯޓަކީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާއިމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގެ ދަށުން ކުއްޖާއަކީ ބުއްދީގެ ތަޞައްރުފު ނުފުދޭ ކުއްޖެއްކަން ޝަރީޢަތަށް ސާބިތުކޮށްދެވޭ ލިޔުމެއްނޫންކަމަށްވާތީ، އެ ދަޢުވާއަކީ ކުރިއަށް ނުގެންދެވޭނެ ދަޢުވާއެއްކަމަށް ބުނެ ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގެ ގޮތުގައި އިބްރާހީމް ޝަމީމްގެ ފަރާތުން ފާހަގަކުރިއެވެ.

6އިބްރާހީމް ޝަމީމްގެ ފަރާތުން ހުށަހެޅި މި ހުށަހެޅުމަށް ރިޢާޔަތްކޮށް، ކްރިމިނަލް ކޯޓުން ނިންމީ މި މައްސަލައިގައި ޖިންސީ އަނިޔާ ލިބުނުކަމަށް ބުނާ ކުއްޖާއަކީ 18 އަހަރުން މަތީގެ ކުއްޖެއްކަމުން، އެ ކުއްޖާއަކީ ބުއްދީގެ ތަޞައްރުފު ނުފުދޭ ކުއްޖެއްކަން ޝަރީޢަތަށް ސާބިތުކޮށްދޭފަދަ ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގެ ރަސްމީ ލިޔުމެއް ނުވަތަ ސަރުކާރު ޤަބޫލުކުރާ އެހެން އިދާރާއެއްގެ ލިޔުމެއް ދައުލަތުގެ ފަރާތުން ޝަރީޢަތަށް ހުށަހަޅާފައިނުވާތީ، ހައިކޯޓުގެ ނަންބަރު 2019/HC-N-A/17 ޤަޟިއްޔާގައި ނިންމާފައިވާ ނިންމުމަށް ރިޢާޔަތްކޮށް، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާއިމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން މި ދަޢުވާ ކުރިއަށް ގެންދެވޭނެ ހަމައެއްނެތަތީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 120 ވަނަ މާއްދާގެ (ނ) އާ ޙަވާލާދީ އެ މައްސަލަ ބެލޭނެ ތަނެއް ނެތްކަމަށެވެ.

ހައިކޯޓުން މައްސަލަ ނިންމިގޮތް

7ކްރިމިނަލް ކޯޓުގެ ނަންބަރު 20/Cr-C/2018 ގަޒިއްޔާގެ ނިންމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. އެ މައްސަލަ ހައިކޯޓުން ބެލީ އެ ކޯޓުގެ ނަންބަރު 2020/HC-A/297 ގަޒިއްޔާއިންނެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން މި ނިންމުން އިސްތިއުނާފުކުރަމުން ފާހަގަކުރީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާއިމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދަ، އަނިޔާ ލިބުނު ކުއްޖާއަކީ ބުއްދީގެ ތަޞައްރުފު ނުފުދޭ ކުއްޖެއްކަން ސާބިތުކުރުމަށް މިޕްސްޓަރ އިން ތައްޔާރުކޮށްފައިވާ ސައިކޮލޮޖިސްޓް ރިޕޯޓަކީ، ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގެ ރަސްމީ ލިޔުމެއްކަން ނުވަތަ ސަރުކާރު ޤަބޫލުކުރާ ލިޔުމެއްކަން އެނގެން ނެތްކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅާފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާއިމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ހ) އާ ޚިލާފަށްކަމަށެވެ.

8ހައިކޯޓުން މި މައްސަލައިގައި ކްރިމިނަލް ކޯޓުގެ ނިންމުމަށް ތާއީދުކޮށްފައިވެއެވެ. އެގޮތުން ހައިކޯޓުގެ ނަންބަރު 2019/HC-N-A/17 ގަޒިއްޔާގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާއިމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގެ ދަށުން 18 އަހަރު ފުރިފައިވީނަމަވެސް އެއީ ކުޑަކުއްޖެއްކަމަށް ބެލެވޭނީ، ކުއްޖާއަކީ ބުއްދީގެ ތަޞައްރުފުނުފުދޭ ކުއްޖެއްކަމާއި، އަދި އެކަން ޝަރީޢަތަށް ސާބިތުކޮށްދޭފަދަ ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގެ ރަސްމީ ލިޔުމެއް ނުވަތަ ސަރުކާރު ޤަބޫލުކުރާ އެހެން އިދާރާއެއްގެ ލިޔުމެއް ހުށަހަޅައިގެންކަމަށް ކަނޑައަޅާފައިވާކަމަށް އެ ކޯޓުން ފާހަގަކޮށްފައިވެއެވެ. އަދި ހައިކޯޓުގެ މި ނިންމުން މިހާތަނަށް ސުޕްރީމް ކޯޓުންވެސް ބާޠިލުކޮށްފައިނުވާކަމަށް ބުނެފައިވެއެވެ.

9އެހެންކަމުން، ހައިކޯޓުގެ ނަންބަރު 2019/HC-N-A/17 ގަޒިއްޔާގައި ބުނާ ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގެ ނުވަތަ ސަރުކާރު ޤަބޫލުކުރާ ރަސްމީ ލިޔުމެއް ދައުލަތުގެ ފަރާތުން ޝަރީޢަތަށް ހުށަހަޅާފައިނުވާކަމަށް ހައިކޯޓުން ބުނެފައިވެއެވެ. އެގޮތުން، މިޕްސްޓަރ އަކީ މި ބާވަތުގެ މައްސަލަތަކުގައި ކުއްޖާގެ ބުއްދީގެ ތަސައްރުފު ކަނޑައެޅުމަށް ސަރުކާރުގެ ފަރާތުން ރަސްމީކޮށް ބަލައިގެންފައިވާ މުއައްސަސާއެއްކަން ދަލާލަތުކޮށްދޭނެ ރަސްމީ ލިޔުމެއް ހުށަހަޅާފައި ނުވާކަމަށް ބުނެ ކްރިމިނަލް ކޯޓުގެ ނަންބަރު 20/Cr-C/2018 ގަޒިއްޔާގައި ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭ ޤާނޫނީ ނުވަތަ ޝަރުޢީ ސަބަބެއް ނެތްކަމަށް ކަނޑައަޅައި، ހައިކޯޓުން ޙުކުމްކޮށްފައިވެއެވެ.

ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި ނުކުތާ

10ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހައިކޯޓުގެ ނަންބަރު 2020/HC-A/297 ގަޒިއްޔާ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަމުން ހުށަހަޅާފައިވަނީ އެންމެ ނުކުތާއެކެވެ. އެގޮތުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާއިމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދަ ބުއްދީގެ ތަޞައްރުފު ނުފުދޭ ކުއްޖެއްކަން ސާބިތުކުރުމަށް މިޕްސްޓަރއިން ތައްޔާރުކޮށްފައިވާ ސައިކޮލޮޖިސްޓް ރިޕޯޓު ހުށަހަޅާފައިވީނަމަވެސް، އެ ލިޔުމަކީ ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގެ ރަސްމީ ލިޔުމެއްކަން ނުވަތަ ސަރުކާރު ޤަބޫލުކުރާ ލިޔުމެއްކަން އެނގެން ނެތްކަމަށް ކަނޑައަޅާފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާއިމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) އާ ޚިލާފަށްކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.

11މި ނުކުތާގެ ޖަވާބުގައި އިބްރާހީމް ޝަމީމްގެ ފަރާތުން ބުނެފައިވަނީ ހައިކޯޓުގެ ނަންބަރު 2019/HC-N-A/17 ގަޒިއްޔާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގެ ނުވަތަ ސަރުކާރު ޤަބޫލުކުރާ ރަސްމީ ލިޔުމެއް ދައުލަތުގެ ފަރާތުން ޝަރީޢަތަށް ހުށަހަޅަންޖެހޭކަމަށެވެ. އަދި ހަވާލާދެވުނު ގަޒިއްޔާއަކީ ބާޠިލުކޮށްފައިވާ ގަޒިއްޔާއެއް ނޫންކަމުން އެ އުސޫލު މައްސަލަތަކުގެ މައްޗަށް ހިނގާނެކަމަށެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލު ކުރުމުގެ ޤާނޫނުގެ ދަށުން ބުއްދީގެ ތަޞައްރުފު ނުފުދޭ ކުދިންނާއި މީހުން

12ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގައި ބަޔާން ކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ؛

(ށ) "ކުޑަކުއްޖަކު" ކަމަށް ބުނެފައިއެވަނީ، ކުއްޖަކު އުފަންވީއްސުރެ މީލާދީ ގޮތުން އުމުރުން 18 އަހަރު ފުރިފައިނުވާ ކުއްޖަކަށެވެ. އަދި ކުޑަކުއްޖަކު ކަމަށް ބުނެފައިވާ މާނައިގެ ތެރޭގައި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންގެ ތެރެއިން 18 އަހަރު ފުރިފައިވީކަމުގައިވިޔަސް، ބުއްދީގެ ތަޞައްރުފު ނުފުދޭ ކުދިންނާއި މީހުން ހިމެނޭގޮތަށެވެ.

13ހުށަހެޅިފައިވާ މައްސަލައިގައި އަނިޔާ ލިބުނު ކުއްޖާއަކީ 18 އަހަރުން މަތީގެ ކުއްޖެކެވެ. އެ ކުއްޖާއަކީ ބުއްދީގެ ތަޞައްރުފު ނުފުދޭ ކުއްޖެއްކަމަށް ދައުލަތުން ބުނި ނަމަވެސް، އެކަން ސާބިތުކޮށްދޭ ފަދަ ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގެ ރަސްމީ ލިޔުމެއް، ނުވަތަ ސަރުކާރު ޤަބޫލުކުރާ އެހެން އިދާރާއެއްގެ ލިޔުމެއް ދައުލަތުގެ ފަރާތުން ޝަރީޢަތަށް ހުށަހަޅާފައިނުވާކަމަށް ބުނެ، މައްސަލައިގެ މައުޟޫޢުއަށް ނުގޮސް، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 120 ވަނަ މާއްދާގެ (ނ) އާ ހަވާލާދީ، މި ދަޢުވާ ބެލޭނެ ތަނެއް ނެތްކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައި، މައްސަލަ ނިންމާފައިވެއެވެ.

14ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގެ ރަސްމީ ލިޔުމެއް އޮންނަންޖެހޭނެކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-N-A/17 ގަޒިއްޔާގައި އެފަދަ ލިޔުމެއް އޮންނަންވާނެކަމަށް ކަނޑައަޅާފައިވާތީއެވެ. ޙަވާލާދެވުނު ހައިކޯޓުގެ ގަޒިއްޔާގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގެ ދަށުން 18 އަހަރުންމަތީގެ ކުއްޖެއްނަމަ، އެ ކުއްޖާއަކީ ބުއްދީގެ ތަޞައްރުފު ނުފުދޭ ކުއްޖެއްކަން ސާބިތުކޮށްދިނުމަށްޓަކައި "ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގެ ރަސްމީ ލިޔުމެއް ނުވަތަ ސަރުކާރު ޤަބޫލު ކުރާ އެހެން އިދާރާއެއްގެ ލިޔުމެއް" ޝަރީޢަތަށް ހުށަހަޅަން ޖެހޭނެކަމަށް ބަޔާންކޮށްފައިއޮވެއެވެ. އެހެންނަމަވެސް، މިގޮތަށް ކަނޑައެޅީ ކީއްވެގެންކަމެއް އެ ގަޒިއްޔާގައި ބަޔާންކޮށްފައިނުވާކަން ފާހަގަކުރަމެވެ. އަދި މި ގަޒިއްޔާއަކީ މިހާރު ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރުމަށްޓަކައި ހުށަހަޅާފައިވާ ގަޒިއްޔާއެއްކަންވެސް ފާހަގަކުރަމެވެ.

15HN1ސަރުކާރުގެ ރަސްމީ ލިޔުމެއް ނުވަތަ ސަރުކާރު ޤަބޫލުކުރާ އެހެން އިދާރާއެއްގެ ރަސްމީ ލިޔުމެއް އޮންނަންޖެހޭނެކަމަށް މިހާރު އިސްތިއުނާފުކުރާ ގަޒިއްޔާގައި އޮންނަ އޮތުމަށް ރިޢާޔަތްކުރާއިރު، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގެ ދަށުން ދައުލަތުގެ ވަކި އިދާރާއެއްގެ ލިޔުމެއް އޮތުން ލާޒިމުނުކުރާކަން ފާހަގަކުރެވެއެވެ.

ދިވެހިރާއްޖޭގައި ބިހޭވިއަރަލް ސައިންސްގެ ޕްރޮފެޝަނަލުންދޭ ޚިދުމަތްތައް

16ބަލަމުންމިދާ މައްސަލައިގައި، އަނިޔާ ލިބުނު ކުއްޖާއަކީ އުމުރުން 18 އަހަރުންމަތީގެ ކުއްޖެއްކަމުން، އޭނާއަކީ ބުއްދީގެ ތަޞައްރުފު ނުފުދޭ ކުއްޖެއްކަން ސާބިތުކޮށްދިނުމަށްޓަކައި، ދައުލަތުގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅީ މިޕްސްޓަރގެ ފަރާތުން ޑރ. އާއިޝަތު ޢަލީ ނާޒް 26 އޭޕްރިލް 2016 ގައި ތައްޔާރުކޮށްފައިވާ ސައިކޮލޮޖިސްޓް ރިޕޯޓެވެ. އެހެންކަމުން، ދިވެހިރާއްޖޭގައި މި ފަންނުގެ މަސައްކަތްތެރިން ދޭ ޚިދުމަތްތައް ތަންޒީމު ނުވަތަ ރެގިޔުލޭޓްކޮށްފައިވާ ގޮތް ބަލައިލުން މުހިންމުކަމުގައި ދެކެމެވެ.

17ދިވެހިރާއްޖޭގައި އެއްވެސް ޞިއްޙީ ޚިދުމަތެއްގެ އެއްވެސް ފަންނީ މަސައްކަތްތެރިއަކަށް ޚިދުމަތް ދެވޭނީ ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ. އެގޮތުން، ބުނެވުނު ޤާނޫނުގެ ދަށުން، ޞިއްޙީ އެކި ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތައް މަސައްކަތްކުރުމުގެ ހުއްދަ ނުވަތަ ލައިސަންސް ދޫކުރުމާއެކު، އެފަދަ ފަރާތްތައް ދޭ ޚިދުމަތް ތަންޒީމު ކުރެއެވެ.

18ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނުގެ ދަށުން "ބިހޭވިއަރަލް ސައިންސްގެ ޕްރޮފެޝަނަލުން" ތަންޒީމުކުރަނީ މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލުންނެވެ. ބުނެވުނު ޤާނޫނުގެ 15 ވަނަ މާއްދާގައި "ބިހޭވިއަރަލް ސައިންސްގެ ޕްރޮފެޝަނަލުން" ކަމަށް ބުނެފައިވަނީ އިންސާނުން އުޅޭ ގޮތް ދިރާސާ ކުރުމުގެ ފަންނު ނުވަތަ ބިހޭވިއަރަލް ސައިންސްގެ ފަންނުގައި މަސައްކަތްކުރާ ފަރާތްތަކަށެވެ. އޭގެ ތެރޭގައި ނަފްސާނީ ޢިލްމުގެ ޕްރޮފެޝަނަލުންނާއި، ތެރަޕިސްޓުންނާއި، ކައުންސެލަރުން ހިމެނޭކަމަށް ބަޔާންކޮށްފައިވެއެވެ. މިފަދަ ހުރިހާ ފަރާތެއްވެސް މަސައްކަތްކުރަންޖެހެނީ މި ޤާނޫނުގައިވާ ގޮތުގެ މަތިންނެވެ.

19ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނުގެ 45 ވަނަ މާއްދާގެ (ށ) ގެ (1) ގައި އެލައިޑް ހެލްތް ޕްރޮފެޝަނަލުންގެ ތެރޭގައި ބިހޭވިއަރަލް ސައިންސްގެ ޕްރޮފެޝަނަލުން ހިމެނޭކަމަށް ބަޔާންކޮށްފައިވާއިރު، 45 ވަނަ މާއްދާގެ (ހ) ގެ ދަށުން އެފަދަ ފަރާތަކަށް މަސައްކަތްކުރެވޭނީ އެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިން މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލްގައި ރަޖިސްޓްރީކޮށް، އެ ކައުންސިލުން ދޫކުރާ ލައިސަންސެއްގެ ދަށުން އެ ލައިސަންސްގައިވާ ޝަރުޠުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އެ ޤާނޫނުގެ 46 ވަނަ މާއްދާގެ ދަށުން މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލްއަކީ އެލައިޑް ހެލްތް ޕްރޮފެޝަނަލެއްގެ ގޮތުގައި މަސައްކަތް ކުރުމަށް އެދޭ ފަރާތްތައް ރަޖިސްޓްރީކޮށް، ލައިސަންސް ދިނުމުގެ ޝަރުޠު ކަނޑައަޅައި، މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލުން ޤަބޫލުކުރާ ތަޢުލީމީ ނުވަތަ ތަމްރީން ދޭ މަރުކަޒުތައް ކަނޑައަޅައި، އެލައިޑް ހެލްތް ޕްރޮފެޝަނަލުން މަސައްކަތް ކުރުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތަކާއި، ހިފަހައްޓަންޖެހޭ ސުލޫކީ މިންގަނޑުތަކާއި ހަމަތައް ކަނޑައެޅުން ފަދަ ކަންކަން ކުރާ ފަރާތެވެ.

20ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނުގެ ދިހަ ވަނަ ބާބުގެ ދަށުން، އެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތާ ޚިލާފަށް މަސައްކަތްކޮށް ޚިދުމަތްދޭ ފަރާތްތަކަށް ދެވޭ އަދަބުތައް ބަޔާންކޮށްފައިވެއެވެ. އޭގެ ތެރެއިން ލައިސަންސެއް ނެތި މަސައްކަތް ކުރުމާއި ލައިސަންސް އައު ނުކޮށް މަސައްކަތްކުރާ ފަރާތްތަކަށް ދެވޭ އަދަބު ބަޔާންކޮށްފައިވެއެވެ. އަދި ލައިސަންސް ހޯދުމަށްޓަކައި ލިޔެކިއުމަށް އުނިއިތުރު ގެނައުމާއި، ލައިސަންސް ހޯދުމަށްޓަކައި ނުވަތަ އެ ފަންނެއް ނިސްބަތްވާ ކައުންސިލެއްގައި ރަޖިސްޓްރީ ކުރުމަށްޓަކައި ޞައްޙަ ނޫން މަޢުލޫމާތު ހުށަހެޅުމަކީ ކުށެއްކަމުގައި ބަޔާންކުރާއިރު، ރަޖިސްޓްރީ ނުކުރާ ނުވަތަ ލައިސަންސް ނެތް ފަރާތަކުން ޞިއްޙީ ޚިދުމަތުގެ ފަންނެއްގެ މަސައްކަތްތެރިއެއްކަމަށް ދައްކައި މަސައްކަތްކުރާނަމަ، އެފަދަ ފަރާތްތައް ބޮޑެތި ޢަދަދުތަކުން ޖޫރިމަނާ ކުރެވޭނެކަން ޤާނޫނުގައި ބަޔާންކޮށްފައި އޮވެއެވެ.

21HN2ވުމާ އެކު، ކޮންމެ ކޮންމެ މީހަކަށް ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތެއް ނުކުރެވޭނެއެވެ. އެފަދަ މަސައްކަތެއް ކުރެވޭނީ ޤާނޫނާއި ގަވާއިދުގައިވާ ގޮތުގެ މަތިން ފުރިހަމަކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަކުރުމާއެކު، އެފަދަ ފަރާތްތައް ރަޖިސްޓްރީކޮށް، ދޫކުރާ ލައިސަންސެއްގެ ދަށުންނެވެ.

ހުށަހެޅިފައިވާ މައްސަލައަށް ޤާނޫނު ތަޠުބީޤުކުރުން

22އިސްތިއުނާފު ކުރެވޭ ހައިކޯޓު ގަޒިއްޔާގައި، އެ ކޯޓުގެ ނަންބަރު 2019/HC-N-A/17 ގަޒިއްޔާގައި ބުނާ އުޞޫލެއް މި މައްސަލައަށް ތަޠުބީޤުކޮށްފައިވަނީ ރަނގަޅަށްކަމަށް ކަނޑައަޅާފައިވެއެވެ. ހައިކޯޓުގެ ނަންބަރު 2019/HC-N-A/17 ގަޒިއްޔާގެ ދަށުން ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގެ ނުވަތަ ސަރުކާރު ޤަބޫލުކުރާ ރަސްމީ ލިޔުމެއް ދައުލަތުގެ ފަރާތުން ޝަރީޢަތަށް ހުށަހަޅަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

23HN3ހުށަހެޅިފައިމިވާ މައްސަލައިގައިވާ ޙާލަތަށް ރިޢާޔަތްކުރާއިރު، މިޕްސްޓަރ އިން ތައްޔާރުކޮށްފައިވާ ސައިކޮލޮޖިސްޓް ރިޕޯޓަކީ ޞައްޙަ ރިޕޯޓެއްކަން ނުވަތަ ނޫންކަން ކަނޑައެޅުމަށްޓަކައި ރިޢާޔަތްކުރަން ޖެހޭނީ މި ބާވަތުގެ ކަންކަން ދިވެހިރާއްޖޭގައި ތަންޒީމު ކުރާ ޤާނޫނު ކަމުގައިވާ ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނަށެވެ. މިޕްސްޓަރ އިން ޑރ. ޢާއިޝަތު ޢަލީ ނާޒް ތައްޔާރުކޮށްފައިވާ ރިޕޯޓުގައި ޖަހާފައިވާ ތައްގަނޑުގައި، އޭނާއަކީ ކްލިނިކަލް ސައިކޮލޮޖިސްޓެއްކަމަށް ބަޔާންކޮށްފައިވެއެވެ. އެހެންކަމުން، އެ ރިޕޯޓު ޝަރީޢަތަށް ބަލައިނުގަނެވޭނެ ކަމަށް ކަނޑައެޅޭނީ، ޤާނޫނުގައިވާ ގޮތުގެ މަތިން، ޑރ. ޢާއިޝަތު ޢަލީ ނާޒްއަކީ ސައިކޮލޮޖިސްޓެއްގެ ގޮތަށް މަސައްކަތް ކުރުމުގެ ހުއްދަނެތް ފަރާތެއްނަމައެވެ. ނުވަތަ ޑރ. ޢާއިޝަތު ޢަލީ ނާޒް ތައްޔާރުކޮށްފައިވާ ރިޕޯޓުގައި ހިމެނިފައިވާ ކަންކަމަކީ އެކަންކަން ތަޢުނު ކުރުމުގެ ފުރުޞަތު ލިބި، އެކަންކަން ޞައްޙަ ނޫންކަމަށް ސާބިތުކޮށްދެވޭ ހާލަތުގައެވެ. ޤާނޫނުގައި މި ފަންނުގެ ފަރާތްތައް މަސައްކަތްކުރަންޖެހޭ ގޮތާއި މަސައްކަތް ކުރަން ދޫކުރެވޭ ލައިސަންސް ނުވަތަ ރެޖިސްޓްރޭޝަންގެ ކަންކަން އޮންނާނެ ގޮތް ބަޔާންކޮށްފައިވާއިރު، އަދި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާއިމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގެ ބޭނުމަށްޓަކައި 18 އަހަރުންމަތީގެ ކުއްޖެއް އެއީ ބުއްދީގެ ގޮތުން ތަޞައްރުފު ނުފުދޭ ކުއްޖެއްކަން ސާބިތުކުރުމަށްޓަކައި ވަކި ތަނެއްގެ ލިޔުމެއް ހުށަހަޅަން ޖެހޭނެކަމަށް ޚުދު އެ ޤާނޫނުގައިވެސް ކަނޑައަޅާފައިނުވާއިރު، މި ބާވަތުގެ ކަންކަމަށް ސަރުކާރުގެ ވަކި އިދާރާއެއްގެ ލިޔުމެއް އޮންނަންވާނެކަމަށް ބުނެ އިތުރު އައު ތަކުލީފުތަކެއް ކޯޓުތަކަށް ތައާރުފު ނުކުރެވޭނެއެވެ.

24HN4އެހެންކަމުން، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާއިމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގެ ބޭނުމަށްޓަކައި، 18 އަހަރުންމަތީގެ ކުއްޖެއް އެއީ ބުއްދީގެ ގޮތުން ތަޞައްރުފު ނުފުދޭ ކުއްޖެއްކަން ސާބިތުކުރުމަށްޓަކައި ކަމާބެހޭ ޤާނޫނުތަކުން ހުއްދަކުރާ އަދި ހުއްދަ ލިބިފައިވާ ކޮންމެ ފަރާތެއްގެ ލިޔުމެއް ޝަރީޢަތަށް ބަލައިގަނެވިދާނެއެވެ.

25ހުށަހެޅިފައިވާ މައްސަލައިގައި ހިމެނޭ ސައިކޮލޮޖިސްޓް ރިޕޯޓު ތައްޔާރުކުރި ޑރ. ޢައިޝަތު ޢަލީ ނާޒްއަކީ އެ ރިޕޯޓު ތައްޔާރުކުރި ތާރީޚުގައި މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލްގެ ލައިންސަސް އޮތް ފަރާތެއްކަމަށް ދައުލަތުގެ ފަރާތުން ބުނެފައިވެއެވެ. އަދި މި މަޢުލޫމާތުގެ ޞައްޙަކަމާމެދު އިބްރާހީމް ޝަމީމްގެ ފަރާތުން ސުވާލު އުފައްދާފައިނުވެއެވެ. މީގެ އިތުރުން ޑރ. ޢައިޝަތު ޢަލީ ނާޒް ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލިހަށް ހާޒިރުވެ އެ ރިޕޯޓާ ގުޅިގެން އިތުރު މަޢުލޫމާތު ދީފައިވެއެވެ. އެގޮތުން އަނިޔާ ލިބުނު ކުއްޖާގެ ޓެސްޓުތައް ހެދުމުން، އެ ކުއްޖާއަކީ އުމުރުން 18 އަހަރުން މަތީގެ ކުއްޖެއް ނަމަވެސް، އޭނާގެ "ސިކުނޑީގެ އުމުރު" އަކީ 10 އަހަރާއި 2 މަސްކަމަށް ބުނެފައިވެއެވެ. އަދި އެ ނަތީޖާއަށް ވާސިލުވިގޮތް ކިޔާދީފައިވެއެވެ.

26މިޕްސްޓަރގެ ފަރާތުން ޑރ. ޢައިޝަތު ޢަލީ ނާޒް ތައްޔާރުކުރި ރިޕޯޓަށާއި، އަދި ޝަރީޢަތުގެ މަޖިލިހުގައި ދައްކާފައިވާ ވާހަކަތަކަށް ކްރިމިނަލް ކޯޓުން ބުރަދަން ނުދޭން ނިންމާފައިވަނީ ޤާނޫނާ އެއްގޮތްވާގޮތުގެ މަތިންކަމަށް އަހުރެންނަށް ޤަބޫލުނުކުރެވެއެވެ. އެހެނީ ވަކި ޤާނޫނެއްގައި މި ފަންނުގެ މަސައްކަތްތެރިން ޤާނޫނީ ގޮތުން ބަލައިގަނެ، އެފަރާތްތައް ރަޖިސްޓްރީކުރުމާއި ލައިސަންސް ދޫކުރެވޭނެ އުސޫލުތަކެއް ޤާއިމްކުރެވިފައިވާއިރު، ސައިކޮލޮޖިސްޓް ރިޕޯޓަކީ ސަރުކާރުގެ އިދާރާއެއް ނުވަތަ ސަރުކާރުން ޤަބޫލުކުރާ ފަރާތަކުން ހުށަހަޅާފައިވާ ލިޔުމެއް ނޫންކަމަށް ބުނެ، މި ރިޕޯޓު ބަލައިނުގަންނަން ކްރިމިނަލް ކޯޓުން ނިންމާފައިވަނީ އެއްވެސް ޤާނޫނީ ހަމައެއްގެ މައްޗަށް ބިނާވެގެންނެއް ނޫނެވެ.

27HN5ވުމާއެކު،ހައިކޯޓުގެ ނަންބަރު 2020/HC-A/297 ގަޒިއްޔާގައި ކްރިމިނަލް ކޯޓުގެ ނަންބަރު 20/Cr-C/2018 ގަޒިއްޔާގައި ނިންމާފައިވާ ނިންމުމަށް ތާއީދުކޮށްފައިވަނީ ޤާނޫނާ އެއްގޮތްވާގޮތުގެ މަތިންނެއްނޫނެވެ. އަދި ކްރިމިނަލް ކޯޓުގެ ނަންބަރު 20/Cr-C/2018 ގަޒިއްޔާގައި އަނިޔާ ލިބުނު ކުއްޖާއަކީ 18 އަހަރުން މަތީގެ ކުއްޖަކަށްވެފައި، އޭނާއަކީ ބުއްދީގެ ތަޞައްރުފު ނުފުދޭ ކުއްޖެއްކަން ޝަރީޢަތަށް ސާބިތުކޮށްދޭފަދަ ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގެ ރަސްމީ ލިޔުމެއް ނުވަތަ ސަރުކާރު ޤަބޫލުކުރާ އެހެން އިދާރާއެއްގެ ލިޔުމެއް އޮންނަންވާނެކަމަށް ކަނޑައަޅައި، މި މައްސަލައިގެ ދަޢުވާ ބެލޭނެ ތަނެއް ނެތްކަމަށް ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމުން، މިޕްސްޓަރ އިން ތައްޔާރުކޮށްފައިވާ ސައިކޮލޮޖިސްޓް ރިޕޯޓަކީ ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނުގައިވާ ގޮތުގެ މަތިން، އެ ފަންނުގެ ހުއްދަ ލިބިފައިވާ ފަރާތަކުން ތައްޔާރުކޮށްފައިވާ ރިޕޯޓެއްކަމުގައިވާތީ އެ ރިޕޯޓަކީ ޤާނޫނީ ގޮތުން ބަލައިގަނެވޭނެ، އަދި އެ ރިޕޯޓުގައިވާ ކަންކަން ނަފީ ނުކުރެވޭހާ ހިނދަކު، ޝަރީޢަތުން އެކަންކަމަށް ބުރަދަން ދޭންޖެހޭނެ ރިޕޯޓެކެވެ.

28ކްރިމިނަލް ކޯޓުގެ ނަންބަރު 20/Cr-C/2018 ގަޒިއްޔާގައިވާ މައްސަލަ ކުރިއަށް ގެންދެވޭނެ ޤާނޫނީ ހަމައެއް ނެތްކަމަށް ކަނޑައަޅާފައިވަނީ، މި މައްސަލައިގެ މައުޟޫޢުގައި ހިމެނޭ ޝަރީޢަތުގެ ކުރިން ހުށަހެޅި ހުށަހެޅުމާ މެދު ކްރިމިނަލް ކޯޓުން ނިންމި ގޮތުގެ ސަބަބުން ކަމުގައިވާތީ، މި މައްސަލައިގެ މައުޟޫޢުއާމެދު ގޮތެއް ކަނޑައެޅުމަށްޓަކައި، މި މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ކްރިމިނަލް ކޯޓަށް އަލުން ހުށަހަޅައިފިނަމަ، މި މައްސަލައަކީ އެ ކޯޓުން ބަލައިގަނެ ކުރިއަށް ގެންދަންވާނެ މައްސަލައެއްކަމަށް އަހުރެން ދެކެމެވެ.

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމާއެކު، ހައިކޯޓުގެ ނަންބަރު 2020/HC-A/297 ގަޒިއްޔާއާއި ކްރިމިނަލް ކޯޓުގެ ނަންބަރު 20/Cr-C/2018 ގަޒިއްޔާ ބާޠިލުކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، ކްރިމިނަލް ކޯޓުގެ ނަންބަރު 20/Cr-C/2018 ގަޒިއްޔާގައި ހިމެނޭ މައްސަލައާ ގުޅިގެން އިބްރާހީމް ޝަމީމުގެ މައްޗަށް ޤާނޫނު ނަންބަރު 2009/12 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާއިމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ ދަށުން އަލުން ދަޢުވާ ކުރަން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިނަމަ، އެ މައްސަލައަކީ އެ ކޯޓުން ބަލައިގަނެ ހިންގަންވާނެ މައްސަލައެއްކަމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

ޢާއިޝާ ޝުޖޫން މުޙައްމަދުއަޒްމިރާލްދާ ޒާހިރުމުޙައްމަދު އިބްރާހީމް(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 60 ވަނަ މާއްދާގެ (ށ)
  • ޤާނޫނު ނަންބަރު 13/2015 (ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނު) ގެ 15 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 13/2015 (ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނު) ގެ 45 ވަނަ މާއްދާގެ (ހ)
  • ޤާނޫނު ނަންބަރު 13/2015 (ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނު) ގެ 45 ވަނަ މާއްދާގެ (ށ) ގެ (1)
  • ޤާނޫނު ނަންބަރު 13/2015 (ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނު) ގެ 46 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 13/2015 (ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނު) ގެ ދިހަވަނަ ބާބު

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ