މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. ޔޫޓޯޕިއާ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ޓެކްސް އެޕީލް ޓްރައިބިއުނަލް TAT-CA-B/2020/017
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ޓެކްސް އެޕީލް ޓްރައިބިއުނަލުން، 2021/HC-A/77,78 ގެ އުޞޫލު ތަޠުބީޤުކޮށް، މުޢާމަލާތަކީ ލޯނެއްކަމުން 11(ހ)(5) ގެ ދަށުން 6% ފުރިހަމައަށް އުނިކުރެވޭނެކަމަށާއި، އެހެން ދެ ނުކުތާގައިވެސް މީރާގެ ނިންމުން ބާޠިލްކަމަށް ނިންމައި، ޓެކްސްގެ ގޮތުގައި ކަނޑައެޅި ޑޮލަރު 385,953 ދައްކަން ނުޖެހޭކަމަށް ނިންމިއެވެ.
- ވާޤިޢާ
- މީރާއިން ކުރި އޮޑިޓެއްގައި، ގުޅުންހުރި ފަރާތަކުން ނަގާފައިވާ ލޯނެއްގެ އިންޓްރެސްޓް (6% ގެ ރޭޓުގައި އުނިކޮށްފައިވާ) އާމްސް ލެންތު ހަމަތަކާ އެއްގޮތް ނޫންކަމަށް ބުނެ ޤާނޫނު ނަންބަރު 5/2011 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު) ގެ 29 ވަނަ މާއްދާގެ (ޅ) ގެ ދަށުން އުނިކުރެވޭ އަދަދު ކުޑަކޮށް ޓެކްސް އިތުރުކުރިއެވެ. ކުރީގެ އަހަރުތަކުގެ އޮޑިޓްގައި އެ ލޯނުގެ 6% އުނިކުރުމަށް މީރާއިން ހުއްދަދީފައިވެއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ގުޅުންހުރި ފަރާތަކުން ނަގާފައިވާ ލޯނެއްގެ އިންޓްރެސްޓް، ބީ.ޕީ.ޓީ ޤާނޫނުގެ 11 ވަނަ މާއްދާގެ ދަށުން ހުއްދަކުރާ 6% ގެ ހައްދާ ހަމައަށް ފުރިހަމައަށް އުނިކުރެވޭނެކަމަށް ޓެކްސް އެޕީލް ޓްރައިބިއުނަލުން ނިންމާފައިވަނީ، އާމްސް ލެންތު އުޞޫލު ބަޔާންކުރާ ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 29 ވަނަ މާއްދާއަށް ރިޢާޔަތްނުކޮށް ޤާނޫނާ ޚިލާފަށްތޯ؛ އަދި މީރާއިން އާމްސް ލެންތު ހަމަތަކާ އެއްގޮތަށް އިންޓްރެސްޓް ރޭޓް އިޞްލާޙުކުރުމުގައި ޤާނޫނީ އުޞޫލުތަކަށް ޢަމަލުކޮށްފައިވޭތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- މީރާއިން ބުނީ ޓްރައިބިއުނަލުން 11(ހ)(5) މުޠުލަޤު ގޮތެއްގައި ތަޠުބީޤުކޮށް، ޤާނޫނު ނަންބަރު 5/2011 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު) ގެ 29 ވަނަ މާއްދާގެ (ބ) އާއި (ޅ) އަށް ރިޢާޔަތްނުކުރިކަމަށާއި، ރިސްކް ބޭސްޑް އޮޑިޓެއްގައި ކުރިން ފާހަގަނުވާ ކަމެއް ފަހުން ފާހަގަވެދާނެކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން ބުނީ މީރާއިން ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 29 ވަނަ މާއްދާ ތަޠުބީޤުކޮށްފައިވަނީ ކޮމްޕެރެބިލިޓީ އެނެލިސިސްއެއް ނެތި، 2021/HC-A/274 އާއި 275 ގެ އުޞޫލާ ޚިލާފަށްކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ކުރީގެ ގޯސް އިޞްލާޙުކުރުން ހުއްދަ ނަމަވެސް، އާމްސް ލެންތު ކަނޑައަޅަން މީރާއިން ކޮމްޕެރެބިލިޓީ އެނެލިސިސްއެއް ހަދައި ޓްރައިބިއުނަލަށް ހުށަހަޅަންޖެހެއެވެ. ޓްރައިބިއުނަލަށް ހުށަހެޅިފައިވަނީ ލޯނު އެއްބަސްވުން އެކަނި ކަމުން، ޓްރައިބިއުނަލުގެ ނިންމުމަކީ ޤާނޫނާ ޚިލާފު ނިންމުމެއްކަމަށް ނިންމޭނެ ސަބަބެއް ނެތެވެ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިއިސްތިއުނާފު ބާޠިލް، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނިންމުން ޤާއިމް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 11 ވަނަ މާއްދާ އަދި 29 ވަނަ މާއްދާ ކިޔަންވާނީ އެއްކޮށެވެ.
HN2 ކުރިން ފާހަގަވެފައިނުވާ ކަމެއް އޮޑިޓެއްގައި ފާހަގަވެ، ކުރިން ޢަމަލު ކުރި ގޮތާ ޚިލާފަށް ޢަމަލުކުރަންޖެހުމަކީ ހަމަ ހަގީގަތުގައިވެސް އެކަން ހިނގާފާނެ ގޮތެކެވެ. ގޯހެއް ހެދިފައިވާނަމަ، އެ ގޯސް އެ ގޮތުގައި ދެމެހެއްޓުމުގެ ބަދަލުގައި ޤާނޫނުގައި ކަން އޮތް ގޮތަށް އިސްކަންދީ އެ ހެދުނު ގޯހެއް އިޞްލާޙުކޮށް ރަނގަޅުކުރުމަކީ ކުރެވިދާނެ އަދި ކުރަންވާނެ ކަމެކެވެ. ސަބަބަކީ، ކޮންމެ ޙާލަތެއްގައިވެސް އިސްކަންދޭންޖެހޭނީ ޤާނޫނާ އެއްގޮތަށް ކަންކުރުމަށް ކަމުގައިވާތީއެވެ. ޤާނޫނު ތަޠުބީޤުކުރުމަކީ، އިޚްތިޔާރީ ކަމެއްގެ ގޮތުގައި ބަލައިނުގަނެވޭނެއެވެ.
HN3 އާމްސް ލެންތު މުޢާމަލާތެއްތޯ ބެލުމަށްޓަކައި ކޮމްޕެރެބިލިޓީ އެނެލިސިސް އެއް މީރާއިން ހަދަންޖެހޭނެއެވެ.
HN4 މީރާއިން ކޮމްޕެރެބިލިޓީ އެނެލިސިސްއެއް ހަދާފައިވާނަމަ އެފަދަ އެނެލިސިސްއެއް މީރާއިން ޓްރައިބިއުނަލަށް ހުށަހަޅަންޖެހޭނެއެވެ. ނަމަވެސް، އެކަމަކީ އިސްތިއުނާފު މަރުޙަލާގައި އެކަމާމެދު އައްވަލަށް ބަހުސްކޮށް ގޮތް ކަނޑައެޅިދާނެކަމެއްކަމުގައި ނުބެލެވެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- ނާޖީ ފާއިޒު، އެސް.އެންޑް.އޭ ލޯޔަރސް އެލް.އެލް.ޕީ
- ބެންޗު
- ޙަސަން ޝަފީޢު، ޙުސައިން މަޒީދު، ޙުޒައިފާ މުޙައްމަދު
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙަސަން ޝަފީޢު · ތާއީދުކުރެއްވީ: ޙުސައިން މަޒީދު، ޙުޒައިފާ މުޙައްމަދު
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔު
ތަޢާރުފު
1މިއީ، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު TAT-CA-B/2020/017 ނިންމުން އިސްތިއުނާފުކުރުމަށް އެދި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީގެ ފަހުން "މީރާ" ނުވަތަ "އިސްތިއުނާފުކުރާ ފަރާތް")ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ، ޔޫޓޯޕިއާ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "ޔޫޓޯޕިއާ ހޯލްޑިންގްސް" ނުވަތަ "އިސްތިއުނާފު ރައްދުވާ ފަރާތް") އެވެ.
ކަންހިނގާފައިވާ ގޮތް
2މީރާއިން ޔޫޓޯޕިއާ ހޯލްޑިންގްސް، 01 ޖަނަވަރީ 2017 އިން 31 ޑިސެންބަރު 2017 ގެ ނިޔަލަށް އޮޑިޓްކޮށް، މީރާގެ ނަންބަރު 1000433/NOTA-BPT/LBD/2019/10 "ނޯޓިސް އޮފް ޓެކްސް އެސެސްމަންޓް" އަދި މީރާގެ ނަންބަރު: AR-LBD/BPT/2019/093 (08 ޑިސެންބަރު 2019) "ބިޒްނަސް ޕްރޮފިޓް ޓެކްސް އޮޑިޓް ރިޕޯޓް" ޔޫޓޯޕިއާ ހޯލްޑިންގްސްއަށް ފޮނުވިއެވެ.
3މީރާގެ އޮޑިޓްގައި، ޔޫޓޯޕިއާ ހޯލްޑިންގްސްއިން ނަގާފައިވާ ލޯނަކާއި ގުޅިގެން ދައްކާފައިވާ އިންޓްރެސްޓަކީ ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި ނުކެނޑޭނެ ހަރަދެއްކަމަށާއި، ޔޫޓޯޕިއާ ހޯލްޑިންގްސްއިން ހިންގަމުންދާ ރިސޯޓް ހިންގުމުގެ ގޮތުން ހަދާފައިވާ މެނޭޖްމަންޓް އެއްބަސްވުމުގެ ދަށުން ދައްކާފައިވާ ފައިސާއިން ބައެއް އުނިނުކުރެވޭނެ ކަމަށާއި، އަދި ކުންފުނީގެ ޑިރެކްޓަރުންނަށް އުޖޫރައިގެ (Direct remuneration) ގޮތުގައި ދީފައިވާ އުޖޫރައަކީ އުނިނުކުރެވޭނެ ހަރަދެއްކަމަށް މީރާއިން ނިންމާފައިވާތީ، 1 ރަޖިސްޓްރީ ނަންބަރު: C-352/2005 މީރާގެ އެ ނިންމުމަށް 22 ޖަނަވަރީ 2020 ގައި އިއުތިރާޒްކޮށް، ޔޫޓޯޕިއާ ހޯލްޑިންގްސްއިން އިއުތިރާޒުކުރާކަން އަންގާ އެންގުން މީރާއަށް ފޮނުވާފައިވެއެވެ.
4ޔޫޓޯޕިއާ ހޯލްޑިންގްސްއިން އިއުތިރާޒު ކުރުމުން، މީރާގެ އޮޑިޓްގެ ނިންމުން ރަނގަޅުކަމަށާއި، އޮޑިޓުގެ ނިންމުމަށް ބަދަލު ގެންނަން ނުޖެހޭކަމަށް ނިންމައި، މީރާގެ ނަންބަރު 220-OA/2020/06 އިއުތިރާޒުކުރި މައްސަލަ ނިމުނުގޮތުގެ ރިޕޯޓު މެދުވެރިކޮށް 17 މޭ 2020 ގައި ޔޫޓޯޕިއާ ހޯލްޑިންގްސްއަށް ފޮނުވުމުން އެ ނިންމުން އިސްތިއުނާފުކުރުމަށް ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހުށަހަޅާފައިވެއެވެ. އެ މައްސަލަ ބަލާފައިވަނީ، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު TAT-CA-B/2020/017 މައްސަލައިގައެވެ.
5މިއީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު TAT-CA-B/2020/017 މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލުގެ ނަންބަރު TAT-CA-B/2020/017 މައްސަލައިގައި ޓެކްސް އެޕީލް ޓްރައިބިއުނަލުގެ ނިންމުން
6ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މައްސަލަ މައުޟޫއީ ގޮތުން ބަލައި އެ ޓްރައިބިއުނަލުން ނިންމި ނިންމުމުގައި ކަނޑައަޅާފައިވަނީ އަންނަނިވި ގޮތަށެވެ.
"ދެންފަހެ، އިސްވެބަޔާންވެދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމާއެކު، ޔޫޓޯޕިއާ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް (ކުންފުނި ރެޖިސްޓްރޭޝަން ނަންބަރު C-352/2005) ގެ ފަރާތުން ޓެކްސް އެޕީލް ޓްރައިބިއުނަލްގައި އިސްތިއުނާފުކޮށްފައިވާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ނަންބަރު 220-OA/2020/06 "އޮބްޖެކްޝަން ރިވިއު ރިޕޯޓް" އިން ނިންމައިފައިވާ ނިންމުމުގެ ދަށުން، ޓެކްސް އެޕީލް ޓްރައިބިއުނަލަށް އިސްތިއުނާފުކޮށްފައިވާ އޮބްޖެކްޝަން ރިވިއު ރިޕޯޓުން އިއުތިރާޒުކޮށްފައިވާ ކަންކަމުގެ ތެރެއިން، އިއުތިރާޒުކުރި ފުރަތަމަ ނުކުތާގައި އިސްތިއުނާފުކުރާ ފަރާތާއި އެމް.އެޗް.ޖީ ޑީޕް ބްލޫ ފައިނޭންސިންގ އާ ދެމެދު 27 ނޮވެންބަރު 2013 ގައި ވެފައިވާ ލޯނު އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ލޯނު އިންޓްރެސްޓަކީ ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރުގެ ދަށުން އުނިކުރެވިދާނެ އަދަދެއްކަމަށް، މީރާއިން ކަނޑައަޅައިފައިވަނީ، އެ ލޯނު އެއްބަސްވުމަށް ރިޢާޔަތްކޮށް،ކަން އެނގެން އޮންނަ ހިނދު، އަދި ބެލެމުންދާ މައްސަލައިގައި ހުސޫމާތު އުފެދިފައިވާ ނިންމުން ނިސްބަތްވާ އޮޑިޓް ރިޕޯޓް ނިންމި ތާރީޚާ ހަމައަށް އެ ލޯނު ނިސްބަތްވާ އެއްބަސްވުމަށް ބަދަލެއް ގެނެސްފައިނުވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ މައިނަރ އިންޓަރނޭޝަނަލް ވ. މީރާ ޤަޟިއްޔާގައި ކަނޑައެޅި ކަނޑައެޅުން ތަޠުބީޤުކޮށް، ހުސޫމާތު އުފެދިފައިވާ ލޯނު މުއާމަލާތާގުޅޭ އިންޓްރެސްޓަކީ ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރުގެ ދަށުން އުނިކުރެވިދާނެ އަދަދެއްކަމަށް ކަނޑައަޅައި،
އިއުތިރާޒުކުރި ދެވަނަ ނުކުތާއަށް ރައްދުވާގޮތަށް މީރާއިން ނިންމި ނިންމުމާގުޅިގެން ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގެ ތަރަހައަށް ފެތޭ އެއްވެސް މުއާމަލާތެއްގެ މައްޗަށް ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 30 ވަނަ މާއްދާގެ (ހ) ރައްދު ނުވާނެކަމަށް، ޤާނޫނުގެ ނައްސުގައި އޮޅުން ނާރާ މިންވަރަށް ސާފު ސަރީހަ އިބާރާތުން ބަޔާންކޮށްފައިވާތީ، އިއުތިރާޒުކުރާ ދެވަނަ ނުކުތާއާ ގުޅިގެން މީރާގެ ނިންމުމަކީ ބާޠިލު ނިންމުމެއްކަމަށް ކަނޑައަޅައި،
އިއުތިރާޒުކުރި ތިންވަނަ ނުކުތާއަށް ރައްދުވާގޮތަށް މީރާއިން ނިންމި ނިންމުމާގުޅިގެން ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގެ ތަރަހައަށް ފެތޭ އެއްވެސް މުއާމަލާތެއްގެ މައްޗަށް ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 30 ވަނަ މާއްދާގެ (ހ) ރައްދު ނުވާނެކަމަށް، ޤާނޫނުގެ ނައްސުގައި އޮޅުން ނާރާ މިންވަރަށް ސާފު ސަރީހަ އިބާރާތުން ބަޔާންކޮށްފައިވާތީ، އިއުތިރާޒުކުރާ ތިންވަނަ ނުކުތާއާ ގުޅިގެން މީރާގެ ނިންމުމަކީ ބާޠިލު ނިންމުމެއްކަމަށް ކަނޑައަޅައި،
އިސްވެފާހަގަކޮށްފައިވާ މީރާގެ އޮބްޖެކްޝަން ރިވިއު ރިޕޯޓުން ނިންމި ނިންމުން މެދުވެރިކޮށް ޓެކުހުގެ ގޮތުގައި ދައްކަންޖެހޭނެކަމަށް މީރާއިން ކަނޑައަޅައިފައިވާ USD 385,953.00 (ތިން ލައްކަ އަށްޑިހަ ފަސް ހާސް ނުވަ ސަތޭކަ ފަންސާސް ތިން ޔުނައިޓެޑް ސްޓޭޓްސް ޑޮލަރު) އަކީ އިސްތިއުނާފުކުރާ ފަރާތުން ދައްކަންޖެހޭ އަދަދެއް ނޫންކަމަށް ކަނޑައަޅައި، އެ ފައިސާގެ ތެރެއިން މިހާތަނަށް އެއްވެސް އަދަދެއް ދައްކައިފައިވާނަމަ، ބީ.ޕީ.ޓީ ޤާނޫނުގެ 35 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އިންޓްރެސްޓާއެކު އެ އަދަދު އިސްތިއުނާފުކުރާ ފަރާތަށް ރައްދުކުރުމަށް އަންގައި އަމުރުކޮށް ނިންމައިފީމެވެ."
މި ފަދައިންނެވެ.
އިސްތިއުނާފަށް ހުށަހެޅުނު ނުކުތާ
7މީރާގެ ފަރާތުން އިސްތިއުނާފީ ނުކުތާގެ ގޮތުގައި އަންނަނިވި ނުކުތާ މި ކޯޓަށް ހުށަހަޅާފައިވެއެވެ.
7.1 ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު TAT-CA-B/2020/0017 (ޔޫޓޯޕިއާ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ވ. މީރާ) މައްސަލައިގައި ހިމެނޭ ލޯނުގެ އިންޓްރެސްޓާ ގުޅިގެން، މުޢާމަލާތަކީ ލޯނެއްކަން ކަނޑައަޅާފައިވާތީ، ބީ.ޕީ.ޓީ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގެ (5) ގެ ދަށުން އެ ލޯނާ ގުޅިގެން ފުރިހަމަ %6 (ހައެއް އިންސައްތަ) އިންޓްރެސްޓް ޚަރަދުގެ ގޮތުގައި އުނިކުރެވެންވާނެކަމަށް ނިންމާފައިވަނީ، ބީ.ޕީ.ޓީ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގެ (5) މުޠުލަޤުގޮތެއްގައި ތަޠުބީޤުކޮށް ބީ.ޕީ.ޓީ ޤާނޫނުގެ 29 ވަނަ މާއްދާގެ (ބ) އަދި (ޅ) އަށް އެއްވެސް މިންވަރަކަށް ރިޢާޔަތްނުކޮށް ބީ.ޕީ.ޓީ ޤާނޫނުގެ 3 ވަނަ މާއްދާގެ (ށ) އަދި ބީ.ޕީ.ޓީ ޤާނޫނުގެ 29 ވަނަ މާއްދާގެ (ބ) އަދި (ޅ) އާ ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރި ކަންކަން
8ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނިންމުމަށް ބަލާއިރު، ލޯނުގެ ފުރިހަމަ %6 (ހައެއް އިންސައްތަ) އިންޓްރެސްޓުގެ ގޮތުގައި އުނިކުރަންވާނެކަމަށް ނިންމާފައިވަނީ ހައިކޯޓުގެ މައިނަރ ވ. މީރާ މައްސަލައިގައި ލޯނެއްކަމަށް ކަނޑައެޅޭ ހިނދެއްގައި ބީ.ޕީ.ޓީ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގެ (5) ތަޠުބީޤުކުރެވޭނެކަމަށް އޮންނަ އޮތުމާ ޙަވާލާދިނުމަށްފަހުކަމާއި، މި މައްސަލައިގައިވާ މުޢާމަލާތަކީ ލޯނެއްކަމަށް ކަނޑައެޅިފައިވާތީ ފުރިހަމަ %6 (ހައެއް އިންސައްތަ) އުނިކުރުމުގައި ހުރަހެއް ނެތްކަމަށް ޓްރައިބިއުނަލްގެ މެންބަރުންނަށް ފެންނާތީކަމަށް ފާހަގަކުރެވޭކަމާއި، ޓްރައިބިއުނަލްގައި މީރާގެ ދިފާޢުއަކީ މި މުޢާމަލާތުގެ ފުރިހަމަ %6 (ހައެއް އިންސައްތަ) އުނިކުރުމުގެ ހުއްދަ ދިނުމަކާ ނުލައި އިންޓްރެސްޓުގެ އަދަދު މީރާއިން 2 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/77,78 ޤަޟިއްޔާ ވަނީ ބީ.ޕީ.ޓީ ޤާނޫނުގެ 29 ވަނަ މާއްދާގެ (ޅ) ގެ ދަށުން އާމްސް ލެންތަށް ގެނައުމަށްފަހު އާމްސް ލެންތުގެ އަދަދު އުނިކުރުމަށް ހުއްދަދީފައިކަމަށް މީރާއިން ބުނެއެވެ.
9ޓްރައިބިއުނަލްގެ ނިންމުމުގައި އެއްވެސް ވަރަކަށް މީރާގެ ނިންމުން ބިނާކުރި އަސާސާމެދު ގޮތެއް ނިންމާފައިނުވާކަމާއި، އެއަށް ރިޢާޔަތްކޮށްފައިވެސް ނުވާކަމާއި، ޓްރައިބިއުނަލުން ހަވާލާދީފައިވާ ހައިކޯޓުގެ މައިނަރ ވ. މީރާ މައްސަލައަށް ނަޒަރުކުރާއިރު އެ މައްސަލައިގައި އޮތް ޙާލަތު ޚުޞޫމާތު އުފެދިފައިވާ މައްސަލައިގައި އޮތް ޙާލަތާ ތަފާތުކަމާއި، އެ މައްސަލައިގެ އެއްވެސް ހިސާބެއްގައި މުޢާމަލާތް 29 ވަނަ މާއްދާގެ (ޅ) ގެ ދަށުން އާމްސް ލެންތަށް ގެނައުމުގެ ބަހުސެއް ނުވެސް އޮންނާނެ ކަމާއި، ހައިކޯޓުން އެ މައްސަލަ ނިންމިއިރު މުޢާމަލާތަކީ "ލޯނެއް" ކަމަށް ކަނޑައެޅިއްޖެ ހިނދެއްގައި އެ މުޢާމަލާތުގެ އިންޓްރެސްޓުގެ "އާމްސް ލެންތް" އަކީ %6 (ހައެއް އިންސައްތަ) ކަމުގައި ބަލަންވާނެކަމަށް ބަޔާންކޮށްފައި ނޯންނާނެ ކަމަށް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރެއެވެ.
10ޚުޞޫމާތު އުފެދިފައިވާ މައްސަލައިގައި އޮތް މުޢާމަލާތަކީ ލޯނެއްކަމާމެދު ދެބަސްވުމެއް ނެތްކަމާއި، މި މުޢާމަލާތާ ގުޅިގެން އިންޓްރެސްޓުގެ އަދަދެއް އުނިކުރެވޭނެކަމާމެދު މީރާއިން އިންކާރުކޮށްފައިނުވާނެކަމާއި، މީރާއިން ނިންމާފައިވާނީ އުނިކުރަން އެދިފައިވާ އިންޓްރެސްޓަކީ އެ ފަރާތުގެ ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި ބީ.ޕީ.ޓީ ޤާނޫނުގެ 29 ވަނަ މާއްދާގެ (ޅ) އާ އެއްގޮތަށް އާމްސް ލެންތު ރޭޓުގައި ބޭނުމަކަށް އާމްސް ލެންތަށް ގެނެސްގެން އުނިކުރުން ހިސާބުކުރަންޖެހޭ އަދަދެއް ކަމުގައާއި އޭގެ ޤާނޫނީ އަސާސަކީ ބީ.ޕީ.ޓީ ޤާނޫނުގެ 29 ވަނަ މާއްދާގެ (ޅ) ކަމުގައި މީރާގެ ފަރާތުން ބުނެއެވެ.
11ބީ.ޕީ.ޓީ ޤާނޫނުގެ 3 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކުރާއިރު ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ބޭނުމަށް ޓެކްސް ނެގޭ ފައިސާ ހިސާބުކުރުމުގައި އެއްވެސް އުނިކުރުމެއް ގެނެވޭނީ މުޅި ޤާނޫނު ހިމެނޭހެން މުޅި ޤާނޫނުގެ އެއްވެސް މާއްދާއަކާ ތަޢާރުޒުނުވާ ގޮތެއްގެ މަތިންކަން އެނގޭކަމާއި، ބީ.ޕީ.ޓީ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރު މުޠުލަޤު ގޮތެއްގައި ކިޔާނަމަ މީރާއިން ޤަބޫލުކުރާ ބޭންކަކަށް ނުވަތަ މާލީ އިދާރާތަކަށް ދައްކާ އިންޓްރެސްޓް %6 (ހައެއް އިންސައްތަ) އާ ހަމައަށް އުނިކުރެވޭނެކަން ސާފުކަމާއި މުޢާމަލާތް އޮތީ "އާމްސް ލެންތް" ގައި ތޯ ނުވަތަ ނޫންތޯ ބެލުމެއް މި މާއްދާ ނުދަނޭކަމާއި ބީ.ޕީ.ޓީ ޤާނޫނުގެ 29 ވަނަ މާއްދާގެ (ޅ) އަށް ބަލާއިރު މުޢާމަލާތް ވެފައިވަނީ ގުޅުންހުރި ފަރާތްތަކެއްގެ މެދުގައި ނަމަ އަދި އެ މުޢާމަލާތް ހިންގާފައިވަނީ "އާމްސް ލެންތު ޓާރމްސް" އާ އެއްގޮތަށް ނޫންނަމަ އަދި "އާމްސް ލެންތު ޓާރމްސް" ގައި މުޢާމަލާތް ކޮށްފައި އޮންނާނެ ޙާލަތަށްވުރެ ޓެކްސް ދައްކާ ފަރާތުން ގެއްލުން ބޮޑުނަމަ ނުވަތަ އާމްދަނީ ކުޑަނަމަ ޓެކްސް ދައްކާ ފަރާތުގެ އާމްދަނީ ހިސާބުކުރުމުގައި އެފަދަ މުޢާމަލާތާ މެދު ޢަމަލުކުރަންޖެހޭނީ "އާމްސް ލެންތު ޓާރމްސް" ގައި މުޢާމަލާތް ކުރުމުން އޮންނަންޖެހޭ ބީދައިންކަން މީރާއިން ފާހަގަކުރެއެވެ.
އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތް
12އިސްތިއުނާފުކުރާ ފަރާތުން އެދެނީ، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު TAT-CA-B/2020/017 މައްސަލައިގެ "ލޯނު އިންޓްރެސްޓް" ބީ.ޕީ.ޓީ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގެ (5) ގެ ދަށުން %6 (ހައެއް އިންސައްތަ) ގެ އިންޓްރެސްޓު އުނިކުރެވޭނެކަމަށް ނިންމާފައިވަނީ ބީ.ޕީ.ޓީ ޤާނޫނުގެ 29 ވަނަ މާއްދާގެ (ބ) އަދި (ޅ) އަށް ރިޢާޔަތްކުރުމަކާ ނުލައި، ބީ.ޕީ.ޓީ ޤާނޫނުގެ 3 ވަނަ މާއްދާގެ (ށ) އަދި ބީ.ޕީ.ޓީ ޤާނޫނުގެ 29 ވަނަ މާއްދާގެ (ބ) އަދި (ޅ) އާ ޚިލާފަށްކަމަށް ކަނޑައަޅައިދީ، އެ މާއްދާތަކަށް ރިޢާޔަތްކުރުމަކާނުލައި އެ މާއްދާތަކާ ޚިލާފަށް ޓްރައިބިއުނަލުން ނިންމާފައި އޮތް %6 (ހައެއް އިންސައްތަ) އިންޓްރެސްޓު އުނިކުރެވޭނެކަމަށް ކަނޑައަޅައިފާ އޮތް އުޞޫލުގެ ދަށުން ފުރިހަމަ %6 (ހައެއް އިންސައްތަ) އެ ފަރާތަށް ޚަރަދުގެ ގޮތުގައި އުނިކުރެވެންޖެހޭ ސަބަބެއްނެތްކަމަށާއި؛ ޚަރަދު އުނިކުރުމާގުޅިގެން މީރާގެ ނަންބަރު 220-OA/2020/006 ނިންމުން ރަނގަޅުކަމަށް ކަނޑައަޅައި ދިނުމަށެވެ.
އިސްތިއުނާފުރައްދުވާ ފަރާތުން ފާހަގަކުރި ކަންކަން
13އެއްވެސް މައްސަލައެއްގެ މައްޗަށް އެހެން މައްސަލައެއްގެ ނިންމުމުގައިވާ އުސޫލެއް ތަޠުބީޤުކުރެވޭނީ ދެ މައްސަލައިގައި ކަންހިނގާފައިވާ ގޮތުގެ އެއްގޮތްކަމުގެ މައްޗަށާއި، ދެ މައްސަލައިގެ ވާޤިޢާތައް އެއްގޮތްކަމުގައި ވާނަކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް ޤަޟިއްޔާގައި ބަޔާންކުރެއެވެ.
14ޚުޞޫމާތު އުފެދިފައިމިވާ މައްސަލައަކީ، އިސްތިއުނާފުރައްދުވާ ފަރާތުގެ ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކުހާއި ގުޅިގެން މީރާއިން ކުރިއަށް ގެންދިޔަ އޮޑިޓްގައި އިސްތިއުނާފު ރައްދުވާ ފަރާތުން ނަގާފައިވާ ލޯނަކާއި ގުޅިގެން އުނިކޮށްފައިވާ އިންޓްރެސްޓަކީ ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި އުނިނުކުރެވޭނެ ހަރަދުތަކެއްކަމަށް މީރާއިން ނިންމުމުން އެކަމާއި ގުޅިގެން އުފެދިފައިވާ ޚުޞޫމާތެއްކަމާއި ބުނެވުނު ލޯނު އިންޓްރެސްޓަކީ ގުޅުން ހުރި ފަރާތްތަކެއްގެ މެދުގައި ކޮށްފައިވާ މުޢާމަލާތެއްކަމާއި އަދި މި މުޢާމަލާތަކީ ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 29 ވަނަ މާއްދާގެ (ޅ) ގެ ދަށުން އާމްސް ލެންތު އުސޫލާއި އެއްގޮތަށް ކޮށްފައިވާ މުޢާމަލާތެއް ނޫންކަމުގައި މީރާއިން ނިންމާފައިވާކަމާއި ޓްރައިބިއުނަލުން މައްސަލަ ނިންމުމުގައި ތަޠުބީޤުކޮށްފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ މައިނަރ ވ. މީރާ މައްސަލައިގައި އެ ކޯޓުން ނިންމާފައިވާ ނިންމުމެއްކަމަށް އިސްތިއުނާފުރައްދުވާ ފަރާތުން ބުނެއެވެ.
15ހައިކޯޓުގެ މައިނަރ ވ. މީރާ މައްސަލައާއި އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލައިގައި ހިމެނޭ މައިގަނޑު ބަހުސަކީ ގުޅުންހުރި ފަރާތްތަކުގެ މެދުގައި ކުރެވޭ ލޯނުގެ މުޢާމަލާތްތަކާއި ގުޅިގެން އިންޓްރެސްޓް އުނިކުރުމުގައި ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން އަމަލުކުރުމަށް އޮންނަ އުސޫލާއި މެދުކަމާއި އަދި މި ދެމައްސަލައިގައިވެސް މީރާއިން ތަތުބީޤުކޮށްފައިވަނީ ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 29 މާއްދާކަމުގައިވާ "ޓްރާންސްފަރ ޕްރައިޒިންގ" އާއި ގުޅޭ މާއްދާކަން މި ދެ މައްސަލައިގައި ކަންހިނގާފައިވާގޮތަށް ބެލުމުން އެނގޭކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކުރެއެވެ.
16އެހެންކަމުން، ޓްރައިބިއުނަލުން މައްސަލަ ނިންމުމުގައި ތަޠުބީޤުކޮށްފައިވާ މައިނަރ ވ. މީރާގެ ނިންމުމަކީ، މި މައުޟޫގައި މަތީ މަރުޙަލާގެ ކޯޓަކުން ނިންމާފައިވާ އެންމެ ފަހުގެ ނިންމުންކަމުން، ޓްރައިބިއުނަލްއިން މައްސަލަ ނިންމުމުގައި އަމަލުކުރަންވަނީ އަދި އަމަލުކޮށްފައިވާނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 77 ވަނަ މާއްދާއާއި އެއްގޮތަށްކަމުގައި އިސްތިއުނާފުރައްދުވާ ފަރާތުން ފާހަގަކުރެއެވެ.
17އަދި ބަހުސްގެ ބޭނުމަށް މި މައްސަލައިގައިވާ މުޢާމަލާތުގެ މައްޗަށް ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 29 ވަނަ މާއްދާ ތަތުބީޤުކުރެވޭނެކަމަށް ބެލިނަމަވެސް، މީރާއަށް ހީވާހީވުމެއްގެ މައްޗަށް ބިނާކޮށް، އެއްވެސް އަސާސެއްގެ މައްޗަށް ބިނާކުރުމަކާނުލައި ޚުޞޫމާތު އުފެދިފައިވާ މުޢާމަލާތުގެ މައްޗަށް ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 29 ވަނަ މާއްދާ ތަޠުބީޤުކޮށްފައިވަނީ އެފަދަ މުޢާމަލާތްތަކަށް އެ މާއްދާ ތަޠުބީޤުކުރުމުގައި މީރާއިން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތަކުގެ ބޭރުންކަމަށް ފާހަގަކުރެއެވެ.
18ޚުޞޫމާތު އުފެދިފައިވާ މުޢާމަލާތާއި ގުޅިގެން މީރާއިން ނިންމާފައިވާ ނިންމުމަށް މީރާއިން ވާސިލުވެފައި ވަނީ ބީ.ޕީ.ޓީ ޤާނޫނުގެ 29 ވަނަ މާއްދާގެ (ޅ) އެ މުޢާމަލާތުގެ މައްޗަށް ތަޠުބީޤުކުރުމަށްފަހުގައި ކަމާއި މި މާއްދާ ތަޠުބީޤުކުރުމުގައި އަމަލުކުރަންވީ އުސޫލާއި މި މާއްދާ ތަޠުބީޤުކުރުމުގައި މީރާއިން ސާބިތުކޮށްދޭން 6 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/77,78 ޤަޟިއްޔާ 7 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/77,78 ޤަޟިއްޔާ ޖެހޭ ކަންކަމަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ މީރާ ވ. ސީ.ޑީ.އެލް.އެޗް.ޓީ އޯޝަނިކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ މީރާ ވ. ސެންކްޗުއަރީ ސޭންޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ގޮތެއް ކަނޑައަޅާފައިވާ ކަމެއް ކަމާއި އެ ޤަޟިއްޔާތަކުގައި ފާހަގަކޮށްފައިވާ ކަންކަން ވަޒަންކުރުމަކާއި ނުލައި ބީ.ޕީ.ޓީ ޤާނޫނުގެ 29 ވަނަ މާއްދާގެ (ޅ) މީރާއިން މި މުޢާމަލާތަށް ތަޠުބީޤުކޮށްފައިވަނީ ހައިކޯޓުގެ ނިންމުންތަކާއި ޚިލާފަށްކަމަށް އިސްތިއުނާފުރައްދުވާ ފަރާތުން ފާހަގަކުރެއެވެ.
އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތް
19މައްސަލައިގައި މީރާގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެ މައްސަލައިގައި ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމަށް ބަދަލެއް ގެންނަންޖެހޭފަދަ ޤާނޫނީ އަދި ޝަރުޢީ ސަބަބެއް ނެތްކަމަށް ކަނޑައަޅައިދީ އެއްވެސް މުޢާމަލާތެއްގެ މައްޗަށް ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 29 ވަނަ މާއްދާ ތަޠުބީޤުކުރާނަމަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/274 (މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. ސީ.ޑީ.އެލް.އެޗް.ޓީ އޯޝަނިކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް) އަދި 2021/HC-A/275 (މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. ސެންކްޗުއަރީ ސޭންޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް) ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް މީރާއިން އަމަލުކުރުން އެއީ ލާޒިމުކަމެއްކަމުގައި ކަނޑައަޅައިދިނުމަށް އިސްތިއުނާފުރައްދުވާ ފަރާތުން އެދިފައިވެއެވެ.
ޝަރީޢަތަށް ފާހަގަކުރެވޭ ކަންކަން
މިކޯޓުން ގޮތް ކަނޑައަޅަންޖެހޭ ކަންކަން
20މި މައްސަލައިގައި މިކޯޓުން ގޮތް ކަނޑައަޅަންޖެހޭ ނުކުތާއަކީ، އިސްތިއުނާފުކޮށްފައިމިވާ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މައްސަލަ ނިންމާފައިވަނީ، ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގެ 5 ވަނަ ނަންބަރު މުޠުލަޤުގޮތެއްގައި ތަޠުބީޤުކޮށް އެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ށ) އަދި އެ ޤާނޫނުގެ 29 ވަނަ މާއްދާގެ (ބ) އަދި (ޅ) އާ ޚިލާފަށްތޯ ނުވަތަ ނޫންތޯ އެވެ.
21ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ؛
"11. (ހ) މި ޤާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގެ ޢާންމުކަން އުނިނުވާގޮތަށް، ޓެކްސް އަހަރެއްގައި މީހެއްގެ ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި، ތިރީގައި ބަޔާންކުރެވޭ ޚަރަދުތަކެއް އުނިކުރުމަކަށް ހުއްދައެއް ނުދެވޭނެއެވެ.
(1) ދިރިއުޅުމަށް ނުވަތަ އަމިއްލަ ބޭނުންތަކަށް ކުރާ ޚަރަދުތައް؛
(2) ގަވާއިދެއްގެ ދަށުން ހުއްދަކޮށްފައިވާ ގޮތަކަށް މެނުބީ، ކެޕިޓަލް އެސެޓްއެއްގެ ފެންވަރު ރަނގަޅުކުރުމަށް ނުވަތަ އެއަށް އިތުރަށް ގެނައުމަށް، ނުވަތަ ބަދަލެއް ގެނައުމަށް ހިނގާ ޚަރަދުވެސް އެކުލެވޭ މާނައެއްގައި ކުރެވޭ ކެޕިޓަލް ޚަރަދު؛
(3) ފައިދާ އުފެއްދުމުގެ މަޤްޞަދުގައިނޫން އެހެން މަޤްޞަދެއްގައި ހިފާފައިވާ ނުވަތަ ބޭނުންކޮށްފައިވާ ޢިމާރާތެއް ނުވަތަ ޢިމާރާތެއްގެ ބައެއްގެ ކުލި ނުވަތަ އެއާ ގުޅިފައިވާ ޚަރަދު؛
(4) ގަވާއިދުން ހުއްދަކުރާގޮތެއްގައި މެނުވީ، އެމީހެއްގެ މިލްކިއްޔާތުގައި ހުރި ނުވަތަ އެމީހަކު ކުއްޔަށް ހިފާފައިހުރި، އަދި އޭނާގެ ވިޔަފާރި ހިންގުމުގެ ކަންތައްތަކާ ގުޅިގެން ބޭނުންކުރެވޭ، އެއްވެސް ތަނެއްގެ ކުލި؛
(5) އެމް.އައި.އާރް.އޭ އިން ޤަބޫލުކުރާ އެއްވެސް ބޭންކެއް ނުވަތަ މާލީ އިދާރާއަކަށް ދައްކަންޖެހޭ އިންޓްރެސްޓް ފިޔަވައި، އަހަރަކު %6 (ހައެއް އިންސައްތަ) ގެ ރޭޓަށްވުރެ މަތިން އިންޓްރެސްޓް ދައްކަންޖެހޭނަމަ، އެ އިތުރުވި މިންވަރެއް؛
(6) މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތައްވެސް ހިމެނޭގޮތަށް އެއްވެސް ޤާނޫނަކާއެއްގޮތަށް ޢަމަލުނުކުރެވުމުގެ ސަބަބުން ދައްކަންޖެހޭ އެއްވެސް ޖޫރިމަނާއެއް، ނުވަތަ އިންޓްރެސްޓެއް."
މިފަދައިންނެވެ.
22ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 29 ވަނަ މާއްދާގެ ގައި ބަޔާންކޮށްފައިވަނީ؛
"29. (ހ) މި މާއްދާ ރައްދުވާނީ ޓެކްސް އަހަރެއްގައި މީހެއްގެ ("ފުރަތަމަ މީހާ") ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި އެމީހަކާ އެހެން މީހަކާދެމެދު ("ދެވަނަ މީހާ") ސީދާ ނުވަތަ ނުސީދާ ގޮތަކަށް ކުރެވިފައިވާ މުޢާމަލާތްތަކަށް ބަލަންޖެހޭނަމަ، އަދި އެ ދެމީހުންނަކީވެސް ގުޅުންހުރި ފަރާތްތަކެއްކަމަށް ވާނަމައެވެ.
(ށ) މި މާއްދާގެ މަޤްޞަދަށްޓަކައި، ދެމީހުންގެ މެދުގައި ނުސީދާގޮތަކަށް މުޢާމަލާތެއް ހިނގާފައިވާކަމަށް ބެލެވޭނީ ގުޅިފައިހުރި މުޢާމަލާތްތަކެއް ހުރިނަމަ އަދި، މި ދެމީހުންނަކީ އެއް މުޢާމަލާތެއްގެ ބައިވެރިން ކަމުގައި ނުވީނަމަވެސް ނުވަތަ ވީނަމަވެސް، މި މުޢާމަލާތްތަކުގެ ތެރެއިން އެކެއް ނުވަތަ އެއަށްވުރެ ގިނަ މުޢާމަލާތުގައި ބައިވެރިންކަމުގައި ވާނަމައެވެ.
(ނ) މި މާއްދާގެ މަޤްޞަދަށްޓަކައި، އެކަކު އަނެކަކާ ގުޅުން ހުރިކަމަށް ބެލެވޭނީ؛
(1) އެކަކުގެ މައްޗަށް އަނެކަކުގެ ބާރު ހިނގާނަމަ ނުވަތަ ދެމީހުންގެ މައްޗަށްވެސް ބާރު ހިންގަނީ އެކަކުނަމަ، ނުވަތަ
(2) އެކަކު އެއީ، އަނެކަކުގެ ތިމާގެ މީހެއްނަމައެވެ.
(ރ) މި މާއްދާގެ (ނ) ގެ މަޤްޞަދަށްޓަކައި، މީހަކު އެއީ އެހެން މީހެއްގެ ތިމާގެ މީހަކަށްވާނީ އެމީހަކީ
(1) އެމީހެއްގެ އަނބި ނުވަތަ ފިރިމީހާ؛ ނުވަތަ
(2) އެމީހެއްގެ ނުވަތަ އެމީހެއްގެ އަންބެއް ނުވަތަ ފިރިއެއްގެ ބޭބެއެއް ނުވަތަ ދައްތައެއް ނުވަތަ ކޮއްކޮއެއް، ނުވަތަ މަންމަ ނުވަތަ ބައްޕަ ނުވަތަ މާމަ ނުވަތަ ކާފަ، ނުވަތަ ދަރި
(3) މި މާއްދާގެ (2) ގައި ހިމެނޭ އެއްވެސް މީހެއްގެ އަންބެއް ނުވަތަ ފިރިއެއް ނަމައެވެ. އަދި "ދަރި" ގެ މާނައިގައި ދޮންދަރިވެސް ހިމެނެއެވެ.
(ބ) މި މާއްދާގައި، "އާމްސް ލެންތު ޓަރމްސް" އަކީ މުޢާމަލާތްތަކަށް ނިސްބަތްކުރާއިރު، އެކަކު އަނެކަކާ ގުޅުމެއް ނެތް ދެމީހަކު އެ މުޢާމަލާތެއް ކުރާނަމަ އެ މުޢާމަލާތެއް ކުރާނެ، ނުވަތަ ކުރާނެކަމަށް ބެލެވޭނެ އުޞޫލުތަކެވެ.
(ޅ) (1) ޓެކްސް ބިނާކުރުމުގައި މުޢާމަލާތްތަކަށް ބަލަންޖެހިއްޖެނަމަ: އެމުޢާމަލާތެއް ކުރި އުސޫލުތަކަކީ "އާމްސް ލެންތު ޓަރމްސް" އެއްގޮތް އުޞޫލުތަކެއް ނޫންނަމަ، އަދި
(2) އާމްސް ލެންތު ޓަރމްސްތަކާ އެއްގޮތަށް އެ މުޢާމަލާތް ކުރުމުން ވާނެވަރަށްވުރެ ފުރަތަމަ މީހާގެ ޓެކްސް ބިނާކުރެވޭ ފައިދާ ކުޑަނަމަ، ނުވަތަ އެމީހާގެ ޓެކްސް ބިނާކުރެވޭ ގެއްލުންތައް ބޮޑުނަމަ، އެމީހާގެ ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރާނީ، އެމުޢާމަލާތެއް ޙަޤީޤަތުގައި ހިންގި އުޞޫލުތަކަކީ އާމްސް ލެންތު ޓަރމްސް ތަކެއް ނޫންކަމުގައިވިޔަސް، އާމްސް ލެންތު ޓަރމްސްތަކާ އެއްގޮތަށް ކުރި މުޢާމަލާތެއްގެ ގޮތުގައެވެ.
(ކ) އެ މުޢާމަލާތަކީ ގުޅުންހުރި މީހުންތަކެއް މެނުވީ ނުކުރާނެ މުޢާމަލާތެއްނަމަ، ފުރަތަމަ މީހާގެ ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި އެމުޢާމަލާތް ހިމަނައިގެން ނުވާނެއެވެ.
(އ) ތިރީގައިވާ ކަންކަން ފުރިހަމަވާ ޙާލަތްތަކުގައި މި މާއްދާގެ (ވ) ރައްދުވާނެކަމަށް އެމް.އައި.އާރް.އޭ އިން އެންގިދާނެއެވެ.
(1) މުޢާމަލާތްތަކާ ގުޅިގެން، ޓެކްސް ނެގުމަށް ބެލެވޭ އަހަރެއްގެ ފުރަތަމަ މީހާގެ ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި މި މާއްދާގެ (ޅ) ނުވަތަ (ކ) ރައްދުވާނަމަ، އަދި
(2) ދެވަނަ މީހާ ("އެދޭ މީހާ") މި މާއްދާގެ ދަށުން ޙައްލެއް ހޯދުމަށް އެމް.އައި.އާރް.އޭ އަށް އެދޭނަމަ، އަދި
(3) އެމް.އައި.އާރް.އޭ އަށް ޤަބޫލުކުރެވޭ ގޮތުގައި، މި މާއްދާގެ މި ބަޔަށް ނުބަލާ އެދޭ މީހާގެ ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި އެމުޢާމަލާތްވެސް ހިމެނޭނެނަމަ.
(ވ) މި މާއްދާގެ މި ބައި ރައްދުވާނަމަ، އެމުޢާމަލާތަށް ބަލާފައި، ފުރަތަމަ މީހާގެ ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި މި މާއްދާގެ (ޅ) ނުވަތަ (ކ) އިން ރައްދުވީ ބައި، އެދޭ މީހާގެ ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައިވެސް ހިމަނާނީއެވެ.
(މ) މި މާއްދާގެ (އ) ގެ ދަށުން ޙައްލެއް ހޯދުމަށް އެދެންޖެހޭނީ، މި މާއްދާގެ (އ) ގެ (1) ވަނަ ނަންބަރުގައި ބުނެފައިވާ ޓެކްސް އަހަރުގެ ފުރަތަމަ މީހާގެ މައްޗަށް ޓެކްސް ބިނާކުރެވޭތާ 12 (ބާރަ) މަސްދުވަހުގެ ތެރޭގައި ލިޔުމަކުންނެވެ.
(ފ) މި މާއްދާގެ (އ) ގެ ދަށުން ހޯދަން އެދިފައިވާ ޙައްލެއް ހޯދައިދިނުމަށް ގެންނަންޖެހޭ ބަދަލުތަކާ ބިނާކުރުންތައް ކުރަންވާނެއެވެ."
މި ފަދައިންނެވެ.
23ވިޔަފާރީގެ ފައިދާއިން، ޓެކްސް ނެގުމާބެހޭ ޤާނޫނުގެ 3 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވަނީ؛
"3. (ށ) އެ ކުންފުންޏެއްގެ ޓެކްސް ނެގޭނެ ފައިދާއަކަށް ވާނީ، މި ޤާނޫނާ އެއްގޮތްވާގޮތަށް ހިސާބުކުރެވިގެން އަދި އެ ފައިދާއިން މި ޤާނޫނު ހުއްދަކުރާގޮތަށް މެނުވީ އެހެން އެއްވެސް ޢަދަދެއް އުނިކުރުމަކާނުލައި، އެ އަހަރެއްގައި އެ ކުންފުންޏަށް ލިބިފައިވާ ފައިދާގެ ޖުމްލަ ޢަދަދެވެ. އަދި އެ ފައިދާ ލިބުނީ ރާއްޖެއިން ނުވަތަ ރާއްޖެއިން ބޭރުންކަމުގައި ވިޔަސް އަދި އެ ފައިދާ ރާއްޖެއަށް ލިބިފައި ނުވަތަ ފޮނުވިފައި ނުވިނަމަވެސް، އެ ފައިދާއިން ޓެކްސް ނެގޭނެއެވެ."
މި ފަދައިންނެވެ.
24މީރާއިން މި އިސްތިއުނާފުގައި ފާހަގަކޮށްފައިވާ ޤާނޫނީ ނުކުތާއާ ގުޅިގެން ޓްރައިބިއުނަލްގެ ނިންމުމުގެ 12 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވަނީ؛
"އިސްވެފާހަގަކޮށްފައިވާ މައިނަރ އިންޓަރނެޝަނަލް ވ. މީރާ މައްސަލައާ ގުޅިގެން ފާހަގަކޮށްފައިވާ ކަންކަމާއި، ބީ.ޕީ.ޓީ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގެ (5) އެކުގައި ކިޔުމުން، ބީ.ޕީ.ޓީ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގެ (5) ގެ ދަށުން %6 (ހައެއް އިންސައްތަ) ގެ ރޭޓާ ހަމައަށް އިންޓްރެސްޓް އުނިކުރެވިދާނެތޯ ކަނޑައެޅުމުގެ ކުރިން އެ އިންޓްރެސްޓް ކަނޑައަޅައިފައިވަނީ ހަޤީޤަތުގައިވެސް ލޯނު މުއާމަލާތަކުންތޯ ބަލަންޖެހޭކަން އެނގެއެވެ. އެގޮތުން، ބެލެމުންދާ މައްސަލައިގައި ހުށަހަޅައިފައިވާ ލިޔުންތަކާއި، މި ރައުޔުގެ 11 ވަނަ ފިޤްރާގައި ފާހަގަކޮށްފައިވާ ކަންކަމުގެ އަލީގައި ހުސޫމާތު އުފެދިފައިވާ މުއާމަލާތަކީ ލޯނެއްކަމަށް ކަނޑައަޅައިފައިވާކަން ލިޔެކިޔުމުން ސާބިތުވެއެވެ. އިސްވެބަޔާންކޮށްފައިވާ ކަންކަން އެހެން ހުރުމުން އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ މައިނަރ އިންޓަރނޭޝަނަލް ވ. މީރާ ޤަޟިއްޔާގައި ކަނޑައެޅި ކަނޑައެޅުން ތަޠުބީޤުކޮށް، އިސްތިއުނާފުކުރާ ފަރާތާއި އެމް.އެޗް.ޖީ ޑީޕް ބްލޫ ފައިނޭންސް އާ ދެމެދު 27 ނޮވެންބަރު 2013 ގައި ވެފައިވާ ލޯނު އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ލޯނު އިންޓްރެސްޓަކީ (ހުސޫމާތު އުފެދިފައިވާ ލޯނު އިންޓްރެސްޓް) ބީ.ޕީ.ޓީ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގެ (5) ގެ ދަށުން އުނިކުރެވިދާނެ އަދަދެއްކަމަށް އަހުރެން ދެކެމެވެ."
މިފަދައިންނެވެ.
25ޓްރައިބިއުނަލަށް ޔޫޓޯޕިއާ ހޯލްޑިންގްސްގެ ފަރާތުން ހުށަހެޅި މައްސަލައިގައި ލޯނުގެ އިންޓްރެސްޓާ ގުޅިގެން ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު، މީރާއާ އެ ކުންފުންޏާދެމެދު ޚުޞޫމާތު އުފެދިފައިވަނީ، 27 ނޮވެންބަރު 2013 ގައި ޔޫޓޯޕިއާ ހޯލްޑިންގްސްއާ އެމް.އެޗް.ޖީ ޑީޕް ބްލޫ ފައިނޭންސިން އާ ދެމެދު ވެފައިވާ ލޯނު އެއްބަސްވުމަކާ ގުޅިގެން އުނިކޮށްފައިވާ އިންޓްރެސްޓް އަދަދާ ގުޅިގެންކަން އެނގެއެވެ. ޔޫޓޯޕިއާ ހޯލްޑިންގްސްގެ ފަރާތުން އޮބްޖެކްޝަން މަރުޙަލާގައި އަދި ޓްރައިބިއުނަލް މަރުޙަލާގައި ކޮށްފައިވާ ޝަކުވާއަކީ، ޔޫޓޯޕިއާ ހޯލްޑިންގްސް އިން އިންޓްރެސްޓްގެ ގޮތުގައި އުނިކޮށްފައިވަނީ، ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމާބެހޭ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގެ 5 ވަނަ ނަންބަރުގެ ދަށުން ހުއްދަކޮށްފައިވާ %6 (ހައެއް އިންސައްތަ) އާ ހަމައަށް ކަމުގައިވީނަމަވެސް، އެ މުޢާމަލާތަކީ އާމްސް ލެންތުގެ ހަމަތަކާ އެއްގޮތް މުޢާމަލާތެއް ނޫންކަމަށް ބުނެ ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ޅ) ގެ ދަށުން އިންޓްރެސްޓުގެ ގޮތުގައި އުނިކުރެވޭނެ ޢަދަދު މީރާއިން އިޞްލާހުކޮށްފައިވާތީ ކުރާ ޝަކުވާއެއްކަން އެނގެއެވެ.
26އިސްތިއުނާފުގައި މީރާއިން ފާހަގަކުރަނީ، ޓްރައިބިއުނަލްއިން މައްސަލަ ނިންމުމުގައި، ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 29 ވަނަ މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ގުޅުންހުރި ފަރާތެއް ނޫނީ ނުކުރާނެ މުޢާމަލާތެއް ކަމަށް މީރާއިން ބެލި ބެލުމާއި، އެ މާއްދާގެ (ޅ) އާ އެއްގޮތަށް އާމްސް ލެންތް މުޢާމަލާތަކާ އެއްގޮތް ކުރުމަށްފަހު މީރާއިން އިންޓްރެސްޓް ރޭޓަށް ގެނައި ބަދަލަށް ރިޢާޔަތްކޮށްފައިނުވާކަމަށެވެ. އެހެންކަމުން، މިއީ 29 ވަނަ މާއްދާގެ (ކ) އާ (ޅ) އާ ޚިލާފު ނިންމުމެއް ކަމަށް މީރާއިން ދެކެއެވެ. މި ނުކުތާއާ ގުޅިގެން، ޓްރައިބިއުނަލްގައިވެސް އަދި މިކޯޓުގައިވެސް ޔޫޓޯޕިއާ ހޯލްޑިންގްސްގެ ފަރާތުން ފާހަގަކޮށްފައިވަނީ، މި މައްސަލައިގައި ޚުޞޫމާތު އުފެދިފައިވާ ލޯނާ ގުޅިގެން 2013 އަދި 2014 ވަނަ އަހަރުގެ އޮޑިޓާ ގުޅިގެން މީރާއިން ޔޫޓޯޕިއާ ހޯލްޑިންގްސް އަށް ފޮނުވާފައިވާ ނަންބަރު AR-LTS/BPT/2016/037 އޮޑިޓް ރިޕޯޓުގެ ސެކްޝަން 3 ގެ 3.1 ގައިވާގޮތުން، ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމާބެހޭ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގެ (5) ގެ ދަށުން އިންޓްރެސްޓް އުނިކުރުމަށް ހުއްދަކޮށްފައިވާ %6 (ހައެއް އިންސައްތަ) އަށްވުރެ އިތުރަށް އިންޓްރެސްޓް އުނިކޮށްފައިވާކަން ފާހަގަކޮށް، އެ އޮޑިޓްގައި، %6 (ހައެއް އިންސައްތަ) އާ ހަމައަށް އުނިކުރުމަށް ހުއްދަދީފައިވާކަމަށެވެ. މި ނުކުތާއާ ގުޅިގެން މީރާއިން ފާހަގަކުރަނީ، މީރާގެ އޮޑިޓްތަކަކީ ރިސްކް ބޭސްޑް އޮޑިޓްތަކެއްކަމަށްވާތީ، ކުރީގެ އޮޑިޓްގައި ފާހަގަވެފައިނުވާ ކަމެއް ފަހުގެ އޮޑިޓެއްގައި ފާހަގަވުމުގެ ފުރުޞަތު އޮންނާނެ ކަމަށެވެ. އެހެންކަމުން، ކުރީގެ އޮޑިޓްގައި މި ލޯނާ ގުޅިގެން %6 (ހައެއް އިންސައްތަ) އުނިކުރުމުގެ ހުއްދަ ދީފައިވީނަމަވެސް، އިސްތިއުނާފުކޮށްފައިމިވާ މައްސަލައިގެ އޮޑިޓްގައި އެކަން ފާހަގަވެ އާމްސް ލެންތް މުޢާމަލާތުގެ އުޞޫލާ އެއްގޮތަށް އިންޓްރެސްޓް ރޭޓް ކަނޑައަޅާފައިވަނީ ކަމަށެވެ.
27އަހުރެންގެ ކުރިމަތީގައި މިއޮތް މައްސަލައަށް ބަލާއިރު، މީރާއާއި އިސްތިއުނާފު ރައްދުވާ ޔޫޓޯޕިއާ ހޯލްޑިންސްއާ ދެމެދު ބަހުސެއް ނެތް ކަމަކީ، ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 11 ވަނަ މާއްދާގެ ދަށުން ޔޫޓޯޕިއާގެ ފަރާތުން އުނިކޮށްފައިވާ އިންޓްރެސްޓަކީ، ލޯނަކާ ގުޅިގެން އުނިކޮށްފައިވާ ޢަދަދެއް ކަމެވެ. ދެފަރާތުގެ ދެމެދުގައި ޚިލާފު އުފެދިފައިމިވަނީ، ބުނެވުނު ލޯނު މުޢާމަލާތަކީ، ގުޅުންހުރި ފަރާތަކާއެކު ކޮށްފައިވާ މުޢާމަލާތަކަށްވާތީ، އޮޑިޓް މަރުޙަލާގައި ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 29 ވަނަ މާއްދާގެ ދަށުން އާމްސް ލެންތު މުޢާމަލާތަކާ އެއްގޮތްވާ ގޮތުގެ މަތިން މީރާއިން، ޓެކްސް ފައިސާ އުނިކޮށްފައިވާ އިންޓްރެސްޓް ރޭޓްގެ އަދަދު ކުޑަކޮށްފައިވާތީއެވެ. ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނިންމުމަށް ބަލާއިރު، މި ނުކުތާއާ ގުޅިގެން ސާފު ނިންމުމެއް ނިންމާފައިވާތީއެއް ނުފެނެއެވެ. ނަމަވެސް، ޓްރައިބިއުނަލްގެ ނިންމުމަށް ވާސިލްވި ސަބަބުތަކަށް ބަލާއިރު، 2013 އަދި 2014 ގެ އޮޑިޓްގައި މީރާއިން މި މައްސަލައިގައި ހިމެނޭ ލޯނާ ގުޅިގެން %6 (ހައެއް އިންސައްތަ) އިންޓްރެސްޓް އުނިކުރުމަށް ހުއްދަދީފައިވުމުގެ މައްޗަށް ރިޢާޔަތްކޮށްފައިވެއެވެ. އަދި ޓްރައިބިއުނަލްގެ ނިންމުމުގެ 11 ވަނަ ނުކުތާގައި "...އިސްވެދިޔަ ނަންބަރު AR-LTS/BPT/2016/037 އޮޑިޓް ރިޕޯޓުގެ ޞަފްހާ 4 ގެ އެނެކްސްޗަރ 1 ގެ ތާވަލުގައި ހިމަނައިފައިވާ Interest Rate used by TP ނިސްބަތްވާ ލޯނުތަކާގުޅޭ އިންޓްރެސްޓް ރޭޓް ދެނެގަތުމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއިން ރިޢާޔަތްކުރި އެންމެހާ ލިޔެކިޔުންތައް ހުށަހެޅުމަށް އެންގުމުން، އިސްތިއުނާފު ރައްދުވާ ފަރާތުން ފޮނުވި ޖަވާބާއެކު ހުށަހަޅައިފައިވަނީ 27 ނޮވެންބަރު 2013 ގައި އިސްތިއުނާފުކުރާ ފަރާތާއި އެމް.އެޗް.ޖީ ޑީޕް ބްލޫ ފައިނޭންސިންގ އާ ދެމެދު ވެފައިވާ intercompany loan agreement އެވެ..." މިފަދައިން ބަޔާންކޮށްފައިވެއެވެ. އެހެންކަމުން، ޓްރައިބިއުނަލުން މި ނުކުތާއާގުޅިގެން ނިންމުން ނިންމުމުގައި ރިޢާޔަތްކޮށްފައިވަނީ، އެ ލޯނު އެއްބަސްވުމަށާއި، 2013 އަދި 2014 ގެ އޮޑިޓްގައި މި ލޯނާ ގުޅިގެން މީރާއިން ޢަމަލުކުރި ގޮތުގެ މައްޗަށްކަން އެނގެއެވެ.
28HN1މި ކޯޓުން މީގެ ކުރިން ނިންމާފައިވާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. ސީ.ޑީ.އެލް.އެޗް.ޓީ އޯޝަނިކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަދި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. ސެންކްޗުއަރީ ސޭންޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ކަނޑައަޅާފައިވާ ފަދައިން، ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 11 ވަނަ މާއްދާ އަދި 29 ވަނަ މާއްދާ ކިޔަންވާނީ އެއްކޮށެވެ.
29HN2ކުރިން ފާހަގަވެފައިނުވާ ކަމެއް އޮޑިޓެއްގައި ފާހަގަވެ، ކުރިން ޢަމަލު ކުރި ގޮތާ ޚިލާފަށް ޢަމަލުކުރަންޖެހުމަކީ މީރާއިން ފާހަގަކުރާ ފަދައިން ހަމަ ހަގީގަތުގައިވެސް އެކަން ހިނގާފާނެ ގޮތެއް ކަމަށް އަހުރެންވެސް ދެކެމެވެ. ގޯހެއް ހެދިފައިވާނަމަ، އެ ގޯސް އެ ގޮތުގައި ދެމެހެއްޓުމުގެ ބަދަލުގައި ޤާނޫނުގައި ކަން އޮތް ގޮތަށް އިސްކަންދީ އެ ހެދުނު ގޯހެއް އިޞްލާޙުކޮށް ރަނގަޅުކުރުމަކީ ކުރެވިދާނެ އަދި ކުރަންވާނެ ކަމެއްކަމުގައި އަހުރެންނަށްވެސް އެއްބަސްވެވެއެވެ. ސަބަބަކީ، ކޮންމެ ޙާލަތެއްގައިވެސް އިސްކަންދޭންޖެހޭނީ ޤާނޫނާ އެއްގޮތަށް ކަންކުރުމަށް ކަމުގައިވާތީއެވެ. ސަބަބަކީ، ޤާނޫނު ތަޠުބީޤުކުރުމަކީ، އިޚްތިޔާރީ ކަމެއްގެ ގޮތުގައި ބަލައިނުގަނެވޭނެތީއެވެ.
30އެހެންކަމުން، އަހުރެންގެ ކުރިމައްޗަށް ހުށަހެޅިފައިމިވާ މައްސަލައިގައި، މި ޙާލަތުގައި ދެން ބަލަންޖެހެނީ، މީރާއިން، އޮޑިޓްގައި އާމްސް ލެންތް މުޢާމަލާތެއްތޯ ނޫންތޯ ބެލުމުގައި ޢަމަލުކުރީ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށްތޯ ނުވަތަ ނޫންތޯއެވެ.
31HN3މި ކޯޓުގެ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. ސީ.ޑީ.އެލް.އެޗް.ޓީ އޯޝަނިކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަދި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. ސެންކްޗުއަރީ ސޭންޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި، އާމްސް ލެންތު މުޢާމަލާތެއްތޯ ބެލުމަށްޓަކައި ކޮމްޕެރެބިލިޓީ އެނެލިސިސް އެއް މީރާއިން ހަދަންޖެހޭނެ ކަމަށް ކަނޑައަޅާފައިވެއެވެ. މީރާގެ ފަރާތުން މި ނުކުތާއާ ގުޅިގެން ފާހަގަކޮށްފައިވަނީ، މީރާއިން ހަދާފައިވާ ކޮމްޕެރިސަން، އޮޑިޓް ރިޕޯޓުގެ ޞަފްހާ ނަންބަރު 10 އިން 13 އަށް ހިމަނާފައިވާނެކަމަށެވެ. ޔޫޓޯޕިއާ ހޯލްޑިންގްސްގެ ފަރާތުން ފާހަގަކޮށްފައިވަނީ، އޯ.އީ.ސީ.ޑީ ގައިޑްލައިންސްގައި ބުނާ ފަދަ ކޮމްޕެރެބިލިޓީ އެނެލިސިސް ރިޕޯޓެއް އެ ކުންފުންޏަށް ލިބިފައިނުވާކަމަށެވެ.
32HN4ޓްރައިބިއުނަލްގެ ނިންމުމުގައި، ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 29 ވަނަ މާއްދާއަށް ރިޢާޔަތްކޮށްފައިނުވަނީ އެ ޓްރައިބިއުނަލަށް މީރާގެ ފަރާތުން ހުށަހަޅާފައިވާ ލިޔުމަކީ، މި މައްސަލައިގައި ޚުޞޫމާތު އުފެދިގެން އުޅޭ ލޯނު އެއްބަސްވުން އެކަނި ކަމަށްވާތީ ކަމުގައި ބެލެވެއެވެ. މީރާއިން ކޮމްޕެރެބިލިޓީ އެނެލިސިސްއެއް ހަދާފައިވާނަމަ އެފަދަ އެނެލިސިސްއެއް މީރާއިން ޓްރައިބިއުނަލަށް ހުށަހަޅަންޖެހޭނެ ކަމަށް އަހުރެން ދެކެމެވެ. ނަމަވެސް، އެކަމަކީ މި މަރުޙަލާގައި އެކަމާމެދު އައްވަލަށް ބަހުސްކޮށް ގޮތް ކަނޑައެޅިދާނެކަމެއްކަމުގައި އަހުރެންނަކަށް ނުބެލެވެއެވެ.
33އެހެންކަމުން، މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ލޯނުގެ އިންޓްރެސްޓް އުނިކުރުމާގުޅޭގޮތުން ޓެކްސް އެޕީލް ޓްރައިބިއުނަލުން ނިންމި ނިންމުމަކީ މީރާއިން ބަޔާންކުރާ ފަދައިން ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނާ ޚިލާފު ނިންމުމެއް ކަމަށް މި މަރުޙަލާއިން ނިންމިދާނެކަމަކަށް އަހުރެންނަކަށް ބުރައެއްނުވެވެއެވެ.
ނިންމަން ފެންނަގޮތް
34އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު TAT-CA-B/2020/017 މައްސަލައިގައި ހިމެނޭ ލޯނުގެ އިންޓްރެސްޓާ ގުޅޭ ނިންމުމަށް ބަދަލު ގެންނަންޖެހޭ ޤާނޫނީ ސަބަބެއް ނެތުމުން، އެ ނިންމުންތަކަށް ތާއީދުކޮށް މައްސަލަ ނިންމަން ފެނެއެވެ.
ފަނޑިޔާރު ޙުސައިން މަޒީދުގެ ރަޢުޔު
35އަހުރެން ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔަށް ތާއީދުކުރަމެވެ.
ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރަޢުޔު
36އަހުރެން ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔަށް ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމުން، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު TAT-CA-B/2020/017 މައްސަލައިގެ ނިންމުން ބާޠިލްކުރަންޖެހޭފަދަ ޤާނޫނީ ސަބަބެއް ނެތްކަމަށް، މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ފަނޑިޔާރު ޙުސައިން މަޒީދު
ފަނޑިޔާރު ޙަސަން ޝަފީޢު (ރިޔާސަތު)
ފަނޑިޔާރު ޙުޒައިފާ މުޙައްމަދު
ފުޓްނޯޓު
- ރަޖިސްޓްރީ ނަންބަރު: C-352/2005
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/77,78 ޤަޟިއްޔާ
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/77,78 ޤަޟިއްޔާ
- ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2021/SC-A/07 ޤަޟިއްޔާ
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/77,78 ޤަޟިއްޔާ
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/77,78 ޤަޟިއްޔާ
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/77,78 ޤަޟިއްޔާ
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/274 ޤަޟިއްޔާ
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/275 ޤަޟިއްޔާ
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/274 ޤަޟިއްޔާ
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/275 ޤަޟިއްޔާ
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/274 ޤަޟިއްޔާ
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/275 ޤަޟިއްޔާ
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރު
- ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 29 ވަނަ މާއްދާ (ޚާއްޞަކޮށް (ބ)، (ޅ)، (ކ))
- ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ށ)
- 2021/HC-A/274 (މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. ސީ.ޑީ.އެލް.އެޗް.ޓީ އޯޝަނިކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް)
- 2021/HC-A/275 (މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. ސެންކްޗުއަރީ ސޭންޑްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް)
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.