ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
[2022] SC 15 · 2021/SC-A/105

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އަދި އަމީން ބިލްޑްވެއަރ ޕްރައިވެޓް ލިމިޓެޑް

ސުޕްރީމް ކޯޓުދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
1 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 8 މާރިޗު 2022ދަށު ކޯޓު: ޓެކްސް އެޕީލް ޓްރައިބިއުނަލް (ވަގުތީ އަމުރު TAT-002/VA/2020، TAT-003/VA/2020، TAT-004/VA/2020، TAT-005/VA/2020)ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
2020/HC-A/298,299,300,301، TAT-002/VA/2020، TAT-003/VA/2020، TAT-004/VA/2020، TAT-005/VA/2020
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
މީރާއިން ފޮނުވި އޮޑިޓް ނޯޓިސްތަކާ ގުޅިގެން، އޮޑިޓް ކުރިއަށް ނުގެންދިއުމަށް ޓެކްސް އެޕީލް ޓްރައިބިއުނަލުން 08 ނޮވެމްބަރު 2020 ގައި ވަގުތީ އަމުރުތަކެއް ނެރުނެވެ. އެ އަމުރުތައް މީރާއިން ހައިކޯޓުގައި އިސްތިއުނާފުކުރުމުން، އެ މައްސަލަތަކަށް ތަދައްޚުލުވުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އެދުނެވެ. ހައިކޯޓުގެ 2020/HC-A/298,299,300,301 ޤަޟިއްޔާތަކުގައި އެ ހުއްދަ ނުދޭން ނިންމުމުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރިއެވެ.
ވާޤިޢާ
މީރާއިން 30 ޖޫން 2020 ގައި އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އަދި އަމީން ބިލްޑްވެއަރ ޕްރައިވެޓް ލިމިޓެޑްއަށް އޮޑިޓް ނޯޓިސްތަކެއް ފޮނުވިއެވެ. ދެ ކުންފުނިން އެ ނޯޓިސްތަކަށް އިޢުތިރާޟުކޮށް ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހުށަހެޅިއެވެ. ޕްރޮސިކިއުޓަރ ޖެނެރަލް ތަދައްޚުލުވާން އެދުނީ، ޓްރައިބިއުނަލުގެ އަމުރުތަކަކީ ޖިނާއީ ތަޙުޤީޤަކަށް ހުރަސްއެޅޭ ގޮތަށް ނެރެފައިވާ އަމުރުތަކެއް ކަމަށް ބުނެއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
މީރާއިން ފޮނުވި އޮޑިޓް ނޯޓިސްތަކާ ގުޅޭ ޓެކްސް އެޕީލް ޓްރައިބިއުނަލުގެ ވަގުތީ އަމުރުތަކުގެ އިސްތިއުނާފަށް ޕްރޮސިކިއުޓަރ ޖެނެރަލް ތަދައްޚުލުވުމުގެ ހުއްދަ ހައިކޯޓުން ނުދިނުމަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ރ) އާ ޚިލާފު ނިންމުމެއްތޯ؟
ޚަޞްމުންގެ ހުށަހެޅުންތައް
ޕްރޮސިކިއުޓަރ ޖެނެރަލް ބުނީ، ޤާނޫނު ނަންބަރު 5/2011 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު) ގެ 20 ވަނަ މާއްދާ މުޅިން ކިޔައި މާނަކުރަންވާނެ ކަމަށާއި، އެ މާއްދާގެ (ކ) އިން އޮޑިޓް ނޯޓިސްއަކީ ޖިނާއީ ތުހުމަތަކާ ގުޅޭ ނޯޓިސްއެއް ކަމަށް ވެދާނެކަން އެނގޭ ކަމަށާއި، ހައިކޯޓުގެ ނިންމުމަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ރ) އާ ޚިލާފު ނިންމުމެއް ކަމަށެވެ. ދެ ކުންފުނިން ބުނީ، ހައިކޯޓުގެ ނިންމުމުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ބާރަކަށް އަސަރުކުރާ އެއްވެސް ކަމެއް ނެތް ކަމަށާއި، ޓްރައިބިއުނަލުގެ އަމުރަކީ ޖިނާއީ ތަޙުޤީޤަކާ ގުޅޭ އަމުރެއްކަން އެނގެން ނެތް ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ސުޕްރީމް ކޯޓުން ފާހަގަކުރީ، ޤާނޫނު ނަންބަރު 5/2011 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު) ގެ 20 ވަނަ މާއްދާގެ ދަށުން ރެންޑަމް އޮޑިޓް ނޯޓިސް އަދި (ކ) ގެ ދަށުން ޖިނާއީ ކުށެއްގެ މަޢުލޫމާތު ލިބިގެން ފޮނުވާ ނޯޓިސް ފޮނުވިދާނެ ކަމާއި، ޓެކްސްގެ ކޮންމެ އޮޑިޓަކީ ޖިނާއީ ތަޙުޤީޤެއް ނޫން ކަމެވެ. މި މައްސަލައިގެ ނޯޓިސްތަކަކީ މީރާއިން ކުރާ ޖިނާއީ ތަޙުޤީޤަކާ ގުޅިގެން ނެރުނު ނޯޓިސްތަކެއްކަން ޕްރޮސިކިއުޓަރ ޖެނެރަލްއަށް ބުނެދެވިފައި ނުވާތީ، ހައިކޯޓުގެ ނިންމުމަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ރ) އާ ޚިލާފު ނިންމުމެއް ނޫން ކަމަށް އިއްތިފާޤުން ނިންމިއެވެ. އޮޑިޓް ނޯޓިސްތައް ނެރެންވާނީ ކޮން ޤާނޫނެއްގެ ކޮން މާއްދާއެއްގެ ދަށުންކަން އެނގޭ ގޮތަށް ކަމަށްވެސް ކޯޓުން ކަނޑައެޅިއެވެ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

ހައިކޯޓުގެ ނިންމުން ޤާއިމް (އިއްތިފާޤުން)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނުގެ 20 ވަނަ މާއްދާގެ އަކުރުތަކަށް ބެލުމުން އެނގެނީ މައިގަނޑު ދެބާވަތެއްގެ އޮޑިޓް ކުރުމުގެ ނޯޓިސް އެމާއްދާގެ ދަށުން މީރާއިން ޓެކްސް ދައްކާ ފަރާތްތަކަށް ފޮނުވިދާނެ ކަމެވެ. އެއް ބާވަތަކީ ރެންޑަމް އޮޑިޓް ނޯޓިސްއެވެ. އެއީ ވަކިކަމެއް ގޯސްކޮށް ހުރިކަމަށް ތުހުމަތު ކުރެވުމަކާ ނުލައި، އަދި ވަކިފަރާތެއް އަމާޒުކުރުމަކާ ނުލައި ޓެކްސް ދައްކާ ފަރާތްތަކުގެ ތެރެއިން ބައެއް ފަރާތްތަކުގެ ޓެކްސް ބިނާކުރާ ހިސާބުތައް ހުރީ ރަނގަޅަށްތޯ ބެލުމަށް ކުރާ އޮޑިޓެއް ކުރުމަށްޓަކައި ފޮނުވާ އޮޑިޓް ނޯޓިސް އެވެ. ދެވަނަ ބާވަތަކީ ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނުގެ 20 ވަނަ މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ޓެކްސް ދެއްކުމާގުޅޭ ޖިނާއީ ކުށެއް ކުރިކަމުގެ މައުލޫމާތު ލިބިގެން އަދި އެކަށީގެންވާ ސަބަބުތަކެއް ހުރެގެން ޓެކްސް ދައްކާފަރާތެއްގެ ޓެކްސް ބިނާކުރާ ހިސާބުތައް ބެލުމަށްޓަކައި އޯޑިޓްކުރަން ފޮނުވާ އޮޑިޓް ނޯޓިސް އެވެ.

HN2 މަތީގައި ބަޔާންކުރެވުނު ޓެކްސް އޮޑިޓްގެ ތޮބީއަތަށް ބަލާއިރު، ޓެކްސްގެ ކޮންމެ އޮޑިޓަކީ ޖިނާއީ ތަހުގީގެއް ނޫނެވެ. ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނު ގެ 20 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އޮޑިޓް ނޯޓިސްއާއި އެ މާއްދާގެ (ކ) ގައިވާ އޮޑިޓް ނޯޓިސްގެ ސްކޯޕަށް ބަލާއިރު އެ ދެބާވަތުގެ އޮޑިޓްގެ ސްކޯޕް ފަރަގުކޮށްފައިވާކަން އެނގެއެވެ. އަދި ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ 30 ވަނަ މާއްދާއާއި 30 ވަނަ މާއްދާގެ ތިރީގައި ބަޔާންކޮށްފައިވާ މާއްދާތަކުގައި ޖިނާއީ ތަހުގީގެއް ހިންގުމަށް މަގުފަހިކޮށްދީފައިވާކަން އެނގެއެވެ.

HN3 މި މައްސަލައިގައި މީރާއިން ނެރެފައިވާ އޮޑިޓް ނޯޓިސްތަކަކީ މީރާއިން ކުރާ ޖިނާއީ ތަހުގީގަކާ ގުޅިގެން ނެރެފައިވާ އޮޑިޓް ނޯޓިސްއެއްކަން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ބުނެދެވިފައި ނެތުމުން، އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ނަންބަރު 2020/HC-A/298,299,300,301 ގަޒިއްޔާތަކުގައި ޕްރޮސިކިއުޓަރ ޖެނެރަލް ތަދައްޚުލުނުކުރުމަށް ހައިކޯޓުން ނިންމާފައިވާ ނިންމުމަކީ ގާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް ހައިކޯޓުން ނިންމާފައިވާ ނިންމުމެއްކަން އެނގެން ނެތެވެ.

HN4 މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ފަރާތުން ނެރޭ އޮޑިޓް ނޯޓިސްތައް ނެރެންވާނީ ކޮން ގާނޫނެއްގެ ކޮން މާއްދާއެއްގެ ކޮން އަކުރެއްގެ ދަށުންކަން އެނގޭނެ ގޮތަކަށެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޙުސްނުއްސުޢޫދު (ރިޔާސަތު)، ޢަލީ ރަޝީދު ޙުސައިން، ޑރ. މުޙައްމަދު އިބްރާހީމް
ރިޔާސަތު
ޙުސްނުއްސުޢޫދު
ރައުޔު ލިޔުނު ފަނޑިޔާރު
ޙުސްނުއްސުޢޫދު · ތާއީދުކުރެއްވީ: ޢަލީ ރަޝީދު ޙުސައިން، ޑރ. މުޙައްމަދު އިބްރާހީމް
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު ޙުސްނުއްސުއޫދުގެ ރައުޔު (ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު ޑރ. މުޙައްމަދު

އިބްރާހީމް ތާއީދު ކުރައްވާފައި)

ތަޢާރުފު

1މި ގަޒިއްޔާގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އިސްތިއުނާފުކޮށްފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/298,299,300,301 ގަޒީއްޔާތަކުގައި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ އިޖުރާއީ ނިންމުމެކެވެ. މި ގަޒިއްޔާގައި އިސްތިއުނާފު ރައްދުވަނީ އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އަށާއި އަމީން ބިލްޑްވެއަރ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށެވެ. އިސްތިއުނާފުކުރެވޭ އިޖުރާއީ ނިންމުމަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/298,299,300,301 ގަޒިއްޔާތަކުގެ ތެރެއަށް ޕްރޮސިކިއުޓަރ ޖެނެރަލް ތަދައްޚުލުވާން އެދި ހުށަހެޅުމުން އެކަމުގެ ހުއްދަ ދެވެން ނެތް ކަމަށް ހައިކޯޓުން ނިންމި ނިންމުމެވެ.

މައްސަލައިގައި ކަންހިނގާފައިވާ ގޮތް

2މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އާއި އަމީން ބިލްޑްވެއަރ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް 30 ޖޫން 2020 ގައި އޮޑިޓް ނޯޓިސްތަކެއް ފޮނުވިއެވެ. މި އޮޑިޓް ނޯޓިސްތަކަށް އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އާއި އަމީން ބިލްޑްވެއަރ ޕްރައިވެޓް ލިމިޓެޑް އިން އިއުތިރާޒުކޮށް ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހުށަހެޅިއެވެ. ޓެކްސް އެޕީލް ޓްރައިބިއުނަލުން މި މައްސަލަތައް ބަލަން ފަށައި، މީރާއިން ފޮނުވި އޮޑިޓް ނޯޓިސްތަކުގެ ދަށުން އޮޑިޓް ކުރިއަށް ގެންދިއުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރުމަށް މީރާގެ މައްޗަށް ވަގުތީ އަމުތަކެއް ނެރެފައިވެއެވެ . މި ވަގުތީ އަމުރުތައް ބާތިލުކޮށްދިނުމަށް އެދިގެން އެ އަމުރުތައް މީރާއިން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. މީރާއިން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި މައްސަލަޢުއަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ތަދައްޚުލުވުމަށް އެދި ހުށަހެޅިއެވެ.

3މީރާއިން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ މައްސަލައަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ތަދައްޚުލުވުމަށް އެދި ހުށަހެޅި ހުށަހެޅުމުގައި އެ މައްސަލައިގެ ތެރެއަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނުމަށް އެދި ހުށަހެޅި ސަބަބެއް ކަމަށް ބުނެފައިވަނީ ޓެކްސް އެޕީލް ޓްރައިބިއުނަލުން ނެރެފައިވާ އަމުރުތަކަކީ ޖިނާއީ ތަހުގީގެއް ހިންގުމަށް ހުރަސްއެޅޭ ފަދަގޮތަކަށް ނެރެފައިވާ އަމުރުތަކެއް ކަމުގައިވާތީ ކަމަށެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅުނު އިސްތިއުނާފު

4ހަވާލާދިން ހައިކޯޓުގެ އިޖުރާއީ ނިންމުން ނިންމާފައިވަނީ ގާނޫނާ އެއްގޮތަށް ނޫންކަމަށް ބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށަހަޅާފައިވަނީ އެންމެ ނުކުތާއެކެވެ. އެ ނުކުތާގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ބުނެފައިވަނީ ހައިކޯޓުން ނިންމި ނިންމުމަކީ ގާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ރ) އާ ޚިލާފު ނިންމުމެއް ކަމަށެވެ.

ތަތުބީގުކުރެވޭ ގާނޫނުތައް

5ގާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ރ) ގައި ބުނެފައިވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތު ތަކާއި ބާރުތަކުގެ ތެރޭގައި ޖިނާއީ ކުށެއް ކަމަށް ތުހުމަތުކުރެވޭ އަމަލުތަކާ ގުޅިގެން ބަލާ ބެލުންތަކާއި ހިންގާ ތަހުގީގުތައް ބަލައި އެކަންކަން ހިންގަނީ ގާނޫނާ އެއްގޮތަށްތޯ ބެލުން ހިމެނޭ ކަމަށެވެ.

6ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނު ގެ 20 ވަނަ މާއްދާގެ އަކުރުތަކުގައި ބަޔާންކޮށްފައިވާ އެކިއެކި ހާލަތްތަކުގައި ޓެކްސް ދައްކަންޖެހޭ މިންވަރު ބަލާކަން އަންގާ އެންގުން ޓެކްސްދައްކަން ޖެހޭ ފަރާތްތަކަށް ފޮނުވިދާނެކަމަށް ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނުގެ 20 ވަނަ މާއްދާގައި ބަޔާންކޮށްފައި ވެއެވެ.

7ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނުގެ 20 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ: "އެމް.އައި.އާރް.އޭ އަށް، މި މާއްދާއާ އެއްގޮތް ވާގޮތުގެ މަތިން، ކޮންމެ މީހަކަށްވެސް އަންގާ އެންގުމަކުން، އެއެންގުމުގައި ކަނޑައެޅި ބަޔާންކުރެވިފައިވާ ޓެކްސް އަހަރު ނުވަތަ އަހަރުތަކެއްގައި އެމީހެއްގެ ޓެކްސްގެ ކަންތައް ތަކަށް ބަލަން ގަސްތުކުރާ ކަމާއި، މި ބެލުމުގެ މަގްސަދަކީ އެ ބުނެވިފައިވާ އަހަރުތަކުގައި އެމީހެއްގެ ޓެކްސް ބިނާކުރެވޭ ފައިދާ ނުވަތަ ގެއްލުން އަދި ބިނާކުރެވުނު ޓެކްސް ސާފުކުރުން ކަމުގައި ބަޔާންކޮށް، އެންގިދާނެއެވެ. އަދި މިފަދަ އެންގުންތަކަށް، މި ގާނޫނުގައި ނިސްބަތްކުރާނީ "ޓެކްސް ދައްކަންޖެހޭ މިންވަރު ބަލާކަން އަންގާ އެންގުން" މިގޮތަށެވެ.

8ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނުގެ 20 ވަނަ މާއްދާގެ (ކ) ގައި ބުނެފައިވަނީ: "އެކަށީގެންވާ ސަބަބުތަކެއް ހުރެގެން އެމް.އައި.އާރް.އޭ އަށް ގަބޫލުކުރެވޭ ގޮތުގައި އެއްވެސް މީހަކު ގަސްތުގައި ނުވަތަ މަކަރާ ހީލަތުން ވިތުހޯލްޑިންގ ޓެކްސްވެސް ހިމެނޭ ގޮތަށް، އެއްވެސް ޓެކްސް އެއް ދެއްކުމުން ރެކިފައިވާ ކަމަށްވާ ނަމަ، އެފަދަ ގޮތަކަށް ގަބޫލުކުރެވޭ ވަރަށް ނުވަތަ ގަބޫލުކުރެވިދާނެ ވަރަށް ފުދޭ ވަރުގެ މައުލޫމާތު އެމް.އައި.އާރް.އޭ އަށް ލިބޭތާ 3 (ތިނެއް) އަހަރު ދުވަހުގެ ތެރޭގައި، ޓެކްސް ދައްކަންޖެހޭ މިންވަރު ބަލާކަން އަންގާ އެންގުމެއް ފޮނުވިދާނެ އެވެ."

9HN1ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނުގެ 20 ވަނަ މާއްދާގެ އަކުރުތަކަށް ބެލުމުން އެނގެނީ މައިގަނޑު ދެބާވަތެއްގެ އޮޑިޓް ކުރުމުގެ ނޯޓިސް އެމާއްދާގެ ދަށުން މީރާއިން ޓެކްސް ދައްކާ ފަރާތްތަކަށް ފޮނުވިދާނެ ކަމެވެ. އެއް ބާވަތަކީ ރެންޑަމް އޮޑިޓް ނޯޓިސްއެވެ. އެއީ ވަކިކަމެއް ގޯސްކޮށް ހުރިކަމަށް ތުހުމަތު ކުރެވުމަކާ ނުލައި، އަދި ވަކިފަރާތެއް އަމާޒުކުރުމަކާ ނުލައި ޓެކްސް ދައްކާ ފަރާތްތަކުގެ ތެރެއިން ބައެއް ފަރާތްތަކުގެ ޓެކްސް ބިނާކުރާ ހިސާބުތައް ހުރީ ރަނގަޅަށްތޯ ބެލުމަށް ކުރާ އޮޑިޓެއް ކުރުމަށްޓަކައި ފޮނުވާ އޮޑިޓް ނޯޓިސް އެވެ. ދެވަނަ ބާވަތަކީ ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނުގެ 20 ވަނަ މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ޓެކްސް ދެއްކުމާގުޅޭ ޖިނާއީ ކުށެއް ކުރިކަމުގެ މައުލޫމާތު ލިބިގެން އަދި އެކަށީގެންވާ ސަބަބުތަކެއް ހުރެގެން ޓެކްސް ދައްކާފަރާތެއްގެ ޓެކްސް ބިނާކުރާ ހިސާބުތައް ބެލުމަށްޓަކައި އޯޑިޓްކުރަން ފޮނުވާ އޮޑިޓް ނޯޓިސް އެވެ.

10ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ 30 ވަނަ މާއްދާގައި ބުނެފައިވަނީ ޓެކްސް ދައްކާ ފަރާތަށް ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އަންގާ އެންގުމަކުން، އެ އެންގުމުގައި ކަނޑައެޅި ބަޔާންކުރެވިފައިވާ ޓެކްސް އަހަރެއްގައި ނުވަތަ އަހަރުތަކުގައި އެފަރާތުން ދައްކަންޖެހޭ ޓެކްސްގެ މިންވަރު ހިސާބުކޮށްފައިވަނީ ޓެކްސްގެ ގާނޫނުތަކާ އެއްގޮތަށްކަން ޔަގީން ކުރުމަށާއި ދައްކަންޖެހޭ ޓެކްސްގެ މިންވަރު ކަނޑައެޅުމަށް ބޭނުންވާ ހިސާބުތަކާއި ލިޔެކިޔުންތައް ބަލާކަން މީރާއިން އެފަރާތަށް އެންގިދާނެ ކަމަށެވެ. މީގެ އިތުރުން ޓެކްސް އަށް މަކަރު ހެދުމާއި ޓެކްސް ދެއްކުމުން ރެކިގަތުން ފަދަ ޖިނާއީ ކުށެއް ކުރަމުންދާކަމަށް މީރާއަށް ގަބޫލުކުރެވިއްޖެ ނަމަ އެ ތަހުގީގެއް ކުރާނީ މީރާއިން ކަމާއި މީރާއިން ޖިނާއީ ތަހުގީގުކުރަމުންދާންޖެހޭ އިޖުރާއަތު ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ 30 ވަނަ މާއްދާގެ ފަހަތުގައި ހުރި މާއްދާތަކުގައި ބަޔާންކޮށްފައި ވެއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ ވާހަކަ

11ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ސުޕްރީމް ކޯޓުގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/298, 299, 300,301 ގަޒީއްޔާތަކާ ގުޅިގެން ތަދައްޚުލުވުމަށް ހުށަހެޅި ހުށަހެޅުމާމެދު ނިންމިގޮތުގެ 13 ވަނަ ނުކުތާގައި ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނުގެ 20 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ 'ޓެކްސް ދައްކަންޖެހޭ މިންވަރު ބަލާކަން އަންގާ އެންގުން' ގެ މަގްސަދަކީ ޖިނާއީ ތުހުމަތަކާ ގުޅިގެން ބަލާބެލުމެއް ކަން އެނގެން ނެތް ކަމަށް ބަޔާންކޮށްފައިވާ ކަމަށާއި، ނަމަވެސް ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނުގެ 20 ވަނަ މާއްދާގެ ދަށުން ގިނަ އަކުރުތަކެއް ބަޔާންކޮށްފައިވާއިރު، ގާނޫނުގައި ހިމެނޭ ވަކިވަކި ބައިތައް ކިޔައި މާނަކުރަންވާނީ މުޅި ގާނޫނުގެ ވަށައިގެންވާ ސިޔާސަތާއި މަގުސަދުގެ ފުޅާ އިމުގެ ތެރޭގައި ކަމަށާއި، 20 ވަނަ މާއްދާގެ (ހ) ގައި ވަކިކަމެއް އެނގެން ނެތުމަކީ އެމާއްދާގެ އެހެން އަކުރަކުން އެކަމެއް ސާފުނުވާނޭ ކަމެއް ނޫން ކަމަށާއި، އޮޑިޓް ނޯޓިސްއަކީ ޖިނާއީ އަމަލެއްގެ ތުހުމަތުކުރެވޭ ކަމެއް ކޮށްފައިވާ ނަމަ ގަބޫލުކުރެވޭ ވަރަށް ނުވަތަ ގަބޫލުކުރެވިދާނެ ވަރަށް ފުދޭވަރުގެ މައުލޫމާތު މީރާއަށް ލިބޭތާ 3 އަހަރު ދުވަހުގެ ތެރޭގައި ފޮނުވިދާނެ ނޯޓިސް އެއްކަން އެ ގާނޫނުގެ 20 ވަނަ މާއްދާގެ (ކ) އިން އެނގޭކަމަށެވެ.

12ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އިތުރަށް ބުނެފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/298, 299, 300,301 ގަޒިއްޔާތަކާ ގުޅިގެން ތަދައްޚުލުވުމަށް ހުށަހެޅި ހުށަހެޅުމާމެދު ނިންމިގޮތުގެ 13 ވަނަ ނުކުތާގައި މީރާއިން ޓެކްސްގެ މިންވަރު ކަނޑައެޅުމަށް ބޭނުންވާ ހިސާބުތަކާއި ލިޔެކިޔުންތައް ބަލާކަން އަންގާ އެންގުން ދެބާވަތެއްގެ ތަހު ގަލީ 'ބޭނުމެން' އެންގިދާނެ ކަމަށް ހައިކޯޓުން ބަޔާންކޮށްފައިވާ ކަމަށާއި، އަދި އެއީ މަދަނީ ގޮތުން ބަލާބެލުމާއި ޖިނާއީ ގޮތުން ބަލާ ބެލުންތައް ކަމަށް ބުނެފައިވާ ކަމަށާއި، ޖިނާއީ ސިފަ ހިމެނޭ ކޮންމެ އަމަލަކާ ގުޅިގެން ބަލާ ބެލުންތަކާއި ހިންގާ ތަހުގީގުތައް ބަލައި އެކަންކަން ހިނގަނީ ގާނޫނާ އެއްގޮތަށްތޯ ބެލުމަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ ބާރުތަކާއި މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށްވީ ނަމަވެސް، މީރާއިން އެންގި އެންގުމަކީ ޖިނާއީ ތަހުގީގަކާއި ގުޅޭ އެންގުމެއްކަން އެނގެން ނެތުމުން، މީރާގެ އޮޑިޓް ވަގުތީ ގޮތުން ހުއްޓިގެން ދިއުމަކީ ޖިނާއީ ތަހުގީގަކަށް ހުރަސް އެޅުމުގެ އިހުތިމާލު އުފައްދަންޖެހޭ ސަބަބެއްކަން ފެންނަން ނެތްކަމަށް ހައިކޯޓުން ބުނެފައިވާ ކަމަށެވެ.

އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ ވާހަކަ

13އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ސުޕްރީމް ކޯޓުގައި ބުނެފައިވަނީ ޖިނާއީ ކުށެއް ކަމަށް ތުހުމަތުކުރެވޭ އަމަލުތަކާ ގުޅިގެން ބެލުންތައް ބެލުމާއި ތަހުގީގުތައް ހިނގާ ނުހިނގާގޮތް ބެލުމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ގާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ރ) އިން ދީފައިވާ އެއްވެސް ބާރަކަށް އަސަރުކުރާނެ ފަދަ އެއްވެސް ވާހަކައެއް ހައިކޯޓުގެ ނިންމުމުގައި ނެތް ކަމަށެވެ. އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ނިންމުމުގައި އޮންނަނީ މީރާއިން އިސްތިއުނާފުކޮށްފައިވާ ޓެކްސް އެޕީލް ޓްރައިބިއުނަލުގެ އަމުރަކީ ޖިނާއީ ތަހުގީގަކާ ގުޅޭ އެންގުމަކާ ގުޅުންހުރި އަމުރެއްކަން އެނގެން ނެތް ކަމަށާއި، އެހެންވީމާ، އެ އަމުރުގެ ސަބަބުން ޖިނާއީ ތަހުގީގަކަށް ހުރަސް އެޅިގެން ދިއުމުގެ އިހުތިމާލު އުފައްދަންޖެހޭ ގާނޫނީ ސަބަބެއް ނެތް ކަމަށެވެ. އެހެންވީމާ ޕްރޮސިކިއުޓަރ ޖެނެރަލް އެ ގަޒިއްޔާއަށް ތަދައްޚުލުކުރެވެން ނެތް ކަމަށެވެ.

ޓެކްސް އޮޑިޓް އާއި ޖިނާއީ ތަހުގީގު

14ޓެކްސް އޮޑިޓަކީ ޓެކްސް ދައްކަންޖެހޭ ފަރާތުން ޓެކްސް ހިސާބުކޮށް ރިޕޯޓުކޮށްފައިވަނީ ރަނގަޅަށްތޯ ބެލުމަށާއި ޓެކްސްދައްކަންޖެހޭ ފަރާތުން ފުރިހަމަކުރަންޖެހޭ އެހެނިހެން ފުރިހަމަކޮށްފައިވޭތޯ ބެލުމަށް ޓެކްސް އިދާރާއިން ބަލާބެލުމެވެ. ޓެކްސް އޮޑިޓަކީ ޖެނެރަލް ޑެސްކް ޗެކްތަކާއި، ކޮމްޕްލައަންސް ޒިޔާރަތްތަކާއި، ރިވިއުތަކާއި، ޑޮކިއުމަންޓުތައް އަޅައި ކިޔުންފަދަ ބެލުންތަކަށްވުރެ ބޮޑަށް ބަލާބެލުމެކެވެ. އާންމުގޮތެއްގައި ޓެކްސް އޮޑިޓެއްގައި ބަލާނީ ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ އަދަދު ހިސާބުކޮށްފައިވަނީ ތުނޑުންތުނޑަށް ރަނގަޅަށްތޯއެވެ. މިސާލަކަށް، ރިޕޯޓު ނުކުރާ އާމްދަނީ ހުރިތޯ ބެލުމާއި، އިތުރަށް ޑިޑަކްޝަން ހަދާފައިހުރިތޯ ބެލުން ފަދަ ކަންކަން ބެލުމެވެ. މީގެ އިތުރުން ގާނޫނުތަކުގެ ދަށުން ހިސާބު ބެލެހެއްޓުމާގުޅޭ ގޮތުން ގާނޫނާ ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ މިންގަނޑާ އެއްގޮތަށް ހިސާބުތައް ބަލަހައްޓާފައި ހުރޭތޯއާއި ވިޔަފާރި ސްޓޮކް ބެލުންފަދަ މާއްދީ ބެލުންތައް ވެސް އޮޑިޓްގެ ތެރޭގައި ހިމެނެއެވެ.

15ޓެކްސް ދައްކަންޖެހޭ ހުރިހާ ފަރާތްތަކެއް އޮޑިޓްކުރުމަކީ ވަސީލަތުގެ ގޮތުން މުސްތަހީލުކަމަކަށްވާތީވެ، ޓެކްސް އިދާރާއިން އެ މަސައްކަތް ގެންދާނޭ އެތެރޭގެ އުސޫލުތައް ހަމަޖައްސައި، އޮޑިޓްކުރުން އެކިގޮތްގޮތަށް ގިންތި ކުރެއެވެ. އޭގެ ތެރޭގައި ފުލް އޮޑިޓް، ލިމިޓެޑް ސްކޯޕް އޮޑިޓް، އަދި ސިންގަލް އިޝޫ އޮޑިޓް ފަދަ ގިންތިތަކަށް ބަހައިގެން އޮޑިޓް ޕްރޮގްރާމްތައް ހިނގައެވެ. އާންމުގޮތެއްގައި ކުރާނީ ކޮން ބާވަތެއްގެ އޮޑިޓެއްކަން ޓެކްސް އިދާރާއިން ކަނޑައަޅާނީ ރިސްކު ގްރޫޕްތައް ދެނެގަނެގެންނާއި، ލިބޭ ހެކިތަކާއި މައުލޫމާތުގެ މައްޗަށް ބިނާކޮށްގެންނާއި، ޓެކްސް ދައްކާ ފަރާތުގެ ވިޔަފާރީގެ ވިޔަފާރި ހަރަކާތްތަކުގެ ވިޔަކަމަށް ބަލައިގެންނެވެ.

16HN2މަތީގައި ބަޔާންކުރެވުނު ޓެކްސް އޮޑިޓްގެ ތޮބީއަތަށް ބަލާއިރު، ޓެކްސްގެ ކޮންމެ އޮޑިޓަކީ ޖިނާއީ ތަހުގީގެއް ނޫނެވެ. ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނު ގެ 20 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އޮޑިޓް ނޯޓިސްއާއި އެ މާއްދާގެ (ކ) ގައިވާ އޮޑިޓް ނޯޓިސްގެ ސްކޯޕަށް ބަލާއިރު އެ ދެބާވަތުގެ އޮޑިޓްގެ ސްކޯޕް ފަރަގުކޮށްފައިވާކަން އެނގެއެވެ. އަދި ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ 30 ވަނަ މާއްދާއާއި 30 ވަނަ މާއްދާގެ ތިރީގައި ބަޔާންކޮށްފައިވާ މާއްދާތަކުގައި ޖިނާއީ ތަހުގީގެއް ހިންގުމަށް މަގުފަހިކޮށްދީފައިވާކަން އެނގެއެވެ.

17މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، މި މައްސަލައިގައި ސުވާލުއުފެދިފައިވާ އޮޑިޓް ނޯޓިސްތައް ނެރެފައިވަނީ ކޮން ގާނޫނެއްގެ ކޮން މާއްދާއެއްގެ ދަށުންކަން އެނގެން އޮތްނަމަ، އޮޑިޓްގެ ސްކޯޕް އަކީ ކޮބައިކަން އެނގޭނެތީވެ، މި މައްސަލައިގައި މި ޚުސޫމަތު އުފެދެން ފުރުސަތު އޮވެދާނެ ކަމަށް ނުފެނެއެވެ.

18HN3މި މައްސަލައިގައި މީރާއިން ނެރެފައިވާ އޮޑިޓް ނޯޓިސްތަކަކީ މީރާއިން ކުރާ ޖިނާއީ ތަހުގީގަކާ ގުޅިގެން ނެރެފައިވާ އޮޑިޓް ނޯޓިސްއެއްކަން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ބުނެދެވިފައި ނެތުމުން، އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ނަންބަރު 2020/HC-A/298,299,300,301 ގަޒިއްޔާތަކުގައި ޕްރޮސިކިއުޓަރ ޖެނެރަލް ތަދައްޚުލުނުކުރުމަށް ހައިކޯޓުން ނިންމާފައިވާ ނިންމުމަކީ ގާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް ހައިކޯޓުން ނިންމާފައިވާ ނިންމުމެއްކަން އެނގެން ނެތެވެ.

19HN4މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ފަރާތުން ނެރޭ އޮޑިޓް ނޯޓިސްތައް ނެރެންވާނީ ކޮން ގާނޫނެއްގެ ކޮން މާއްދާއެއްގެ ކޮން އަކުރެއްގެ ދަށުންކަން އެނގޭނެ ގޮތަކަށެވެ.

20އިސްވެ ބަޔާންވެދިޔަ ކަންކަން އެހެން ހުރުމުން އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ނަންބަރު 2020/HC-A/298,299,300,301 ގަޒިއްޔާތަކުގައި ޕްރޮސިކިއުޓަރ ޖެނެރަލް ތަދައްޚުލުނުކުރުމަށް ހައިކޯޓުން ނިންމާފައިވާ ނިންމުމަކީ ގާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް ހައިކޯޓުން ނިންމާފައިވާ ނިންމުމެއްކަމަށް ކަނޑައެޅެން ނެތް ކަމަށް ބުރަވެވެއެވެ.

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު

21މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު

22މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންވެ ދިޔަ ކަންކަން އެ ގޮތުގެމަތިން ހުރުމާއެކު؛ އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ނަންބަރު 2020/HC-A/298,299,300,301 ގަޒިއްޔާތަކުގައި ޕްރޮސިކިއުޓަރ ޖެނެރަލް ތަދައްޚުލުނުކުރުމަށް ހައިކޯޓުން ނިންމާފައިވާ ނިންމުމަކީ ގާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ރ) އާއި ޚިލާފަށް ހައިކޯޓުން ނިންމާފައިވާ ނިންމުމެއްކަމަށް ކަނޑައެޅެން ނެތް ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ގަޒިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާގުން ޙުކުމް ކޮށްފީމެވެ. މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ: (ރިޔާސަތު)

ފުޓްނޯޓު

  1. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ އޮޑިޓް ނޯޓިސް ނަންބަރު: 1001778/AUDN-BPT/IS/2020/03 (30 ޖޫން 2020) 1001778/AUDN-BPT/IS/2020/04 (30 ޖޫން 2020) އަދި 1001888/AUDN-BPT/IS/2020/06 (30 ޖޫން 2020) 1001888/AUDN-BPT/IS/2020/07 (30 ޖޫން 2020)
  2. ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ވަގުތީ އަމުރު ނަންބަރު TAT-002/VA/2020 (08 ނޮވެމްބަރު 2020) އަދި TAT-003/VA/2020 (08 ނޮވެމްބަރު 2020) އަދި TAT-004/VA/2020 (08 ނޮވެމްބަރު 2020) އަދި TAT-005/VA/2020 (08 ނޮވެމްބަރު 2020)
  3. ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަޒިއްޔާ ނަންބަރު 2020/HC-A/298,299,300,301
  4. ޤާނޫނު ނަންބަރު: 5/2011
  5. ކޮމްޕްލެކްސް ކަމަށް
  6. ޤާނޫނު ނަންބަރު: 5/2011
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ރ)
  • ޤާނޫނު ނަންބަރު 5/2011 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު) ގެ 20 ވަނަ މާއްދާގެ (ހ) އަދި (ކ)
  • ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 30 ވަނަ މާއްދާ

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ