ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2023] SC 45 · 2022/SC-A/13ސުޕްރީމް ކޯޓު · 26 އޮކްޓޫބަރު 2023

މައިނަރ އިންޓަރނޭޝަނަލް (ލަބުއާން) ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ

ސުޕްރީމް ކޯޓު
11 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 26 އޮކްޓޫބަރު 2023ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު [2023] SC 45 2022/SC-A/13 ޝަރީޢަތް ނިމުނުގޮތް މައިނަރ އިންޓަރނޭޝަނަލް (ލަބުއާން) ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ފަނޑިޔާރުންގެ މަޖިލިސް ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ނިމުނު ތާރީޚު 26 އޮކްޓޯބަރ 2023

އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ 2021/HC-A/77, 2021/HC-A/78 އިސްތިއުނާފު ރައްދުވާ ފަރާތް އިސްތިއުނާފުކުރާ ފަރާތް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ މައިނަރ އިންޓަރނޭޝަނަލް (ލަބުއާން) ލިމިޓެޑް ޤާނޫނީ ވަކީލު: ޑެޕިއުޓީ ޑިރެކްޓަރ މަރްޔަމް ޔާޝާ ޤާނޫނީ ވަކީލު: މުޙައްމަދު ޝަހުދީ އަންވަރު، އެސް އެންޑް އޭ ލޯޔަރސް އެލްއެލްޕީ

ޓެކްސްއާގުޅޭ – ޓެކްސް އޮޑިޓް ރިޕޯޓު – އޮޑިޓް ނޯޓިސް – އޮޑިޓް ނޯޓިސްގެ މުއްދަތު – އޮޑިޓް ރިޕޯޓުގައި ޙަވާލާދޭ ޤާނޫނީ މާއްދާ ބަޔާންކޮށްފައި އޮތުން – ޤާނޫނު ތަންފީޛުކުރުމަށް އަޅާ ފިޔަވަޅު – ގަސްތުގައި ނުވަތަ މަކަރާއި ޙީލަތުން ޓެކްސް ދެއްކުމުން ރެކުން – އޮޑިޓް ނޯޓިސް ފޮނުވޭނެ މުއްދަތު – ހުށަހަޅާފައި ނުވާ ކަމެއްގައި ގޮތް ނިންމުން – ލޯނެއްކަން ނުވަތަ ނޫންކަން ކަނޑައެޅުން – ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ޢަމަލު ކުރެވޭނެ ކަމަށް އުންމީދު ކުރުން (legitimate expectation) – ނިންމުންތައް އެއްގޮތަށް ނިންމުން

ފިހުރިސްތު

ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު 1

ތަޢާރުފު 1

ކަންހިނގާފައިވާ ގޮތް 1

އިޢުތިރާޟު ކުރުން 2

ޓްރައިބިއުނަލް މަރުޙަލާ 3

ހައިކޯޓުގެ މަރުޙަލާ 5

ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތައް 6

މައިނަރ އިންޓަނޭޝަނަލްއިން އެދޭ ގޮތް 10

އިސްތިއުނާފީ ނުކުތާތަކުގެ ރައްދު 11

ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހޭ ކަންކަން 14

ޓެކްސް ދައްކަންޖެހޭ މިންވަރު ބަލާކަން އަންގާ އެންގުން 15

އޮޑިޓް ނޯޓިހުގައި ޤާނޫނު ތަފުސީލު ކުރުން 20

ޤާނޫނުއަސާސީގެ 43 ވަނަ މާއްދާ 22

ތުހުމަތަކާ ގުޅިގެން އޮޑިޓް ކުރުން 23

އޮޑިޓް ނޯޓިސް ފޮނުވޭނެ މުއްދަތާމެދު 25

ހުކުމަށް ވާސިލުވި ސަބަބު ބަޔާންކުރުން 30

ހުށަހަޅާފައި ނުވާ ކަމެއްގައި ގޮތް ނިންމުން 35

ލޯނެއްކަން ނުވަތަ ނޫންކަމާމެދު 40

މީރާގެ ނިންމުންތައް އެއްގޮތް ނުވުމާމެދު 41

މައްސަލަ ނިންމަން ފެންނަ ގޮތް 43

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު 43

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު 44

ޙުކުމް 44

` މައިނަރ އިންޓަރނޭޝަނަލް (ލަބުއާން) ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ [2023] SC 45 ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި)

ތަޢާރުފު

1. މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/77 ޤަޟިއްޔާ އާއި އެ ކޯޓުގެ ނަންބަރު 2021/HC-A/78 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނާ ޚިލާފަށް ކަމުގައި ބުނެ މައިނަރ އިންޓަރނޭޝަނަލް (ލަބުއާން) ލިމިޓެޑް1 (މީގެ ފަހުން "މައިނަރ އިންޓަރނޭޝަނަލް") ގެ ފަރާތުން އެ ދެ ޤަޟިއްޔާ އިސްތިއުނާފު ކުރުމުން ބަލާ މައްސަލައެކެވެ. މި އިސްތިއުނާފު ރައްދުވަނީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީގެ ފަހުން "މީރާ") އަށެވެ.

ކަންހިނގާފައިވާ ގޮތް

2. 2014 ވަނަ އަހަރާއި2 2015 ވަނަ އަހަރުގައި3 މައިނަރ އިންޓަރނޭޝަނަލްއިން ޓެކްސް ދައްކާފައިވަނީ ޤާނޫނާ އެއްގޮތަށްތޯ ބެލުމަށްޓަކައި އޮޑިޓް ކުރުމަށް މީރާގެ ފަރާތުން މައިނަރ އިންޓަރނޭޝަނަލްއަށް އޮޑިޓް ނޯޓިސް ފޮނުވާފައިވެއެވެ. އަދި އެ ދެ އަހަރުގެ އޮޑިޓް ނިންމުމަށް ފަހު، ދެ އަހަރުގެ އޮޑިޓް ރިޕޯޓާއި،4 ނޯޓިސް އޮފް ޓެކްސް އެސެސްމަންޓް އެ ކުންފުންޏަށް 08 ޖޫން 2017 ގައި މީރާއިން ފޮނުވާފައިވެއެވެ.

3. މީރާގެ ފަރާތުން މައިނަރ އިންޓަރނޭޝަނަލް އޮޑިޓް ކުރުމަށްފަހު މައިގަނޑު ގޮތެއްގައި ދެ މައްސަލައެއް ފާހަގަ ކޮށްފައިވެއެވެ. ފުރަތަމަ މައްސަލައަކީ، އެ ކުންފުނީގެ ފަރާތުން ވިޔަފާރީގެ ބޭނުމަށް ކޮށްފައިވާ ބައެއް ޚަރަދުތަކަކީ ހެޑް އޮފީސް ޚަރަދުގެ ގޮތުގައި ބަލަންޖެހޭނެ ޚަރަދުތަކެއް ކަމުގައި ފާހަގަކުރި ކުރުމެވެ. މިކަން ފާހަގަކޮށް މީރާގެ ފަރާތުން ޙަވާލާ ދީފައިވަނީ ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގަވާއިދުގެ 24 ވަނަ މާއްދާ އާއި އެ ގަވާއިދުގެ 29 ވަނަ މާއްދާއާއެވެ. ދެވަނަ މައްސަލައަކީ، އެ ކުންފުނީގެ ފަރާތުން ވިޔަފާރީގެ ބޭނުމަށް ނަގާފައިވާ ލޯނުގެ އިންޓަރެސްޓަކީ، އުނި ނުކުރެވޭނެ ޚަރަދެއްކަމުގައި ފާހަކުރި ކުރުމެވެ. މިކަން މީރާގެ ފަރާތުން ފާހަގަ ކޮށްފައިވަނީ ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 29 ވަނަ މާއްދާގެ (ކ) އާ ޙަވާލާދީ އެވެ.

އިޢުތިރާޟު ކުރުން

4. 2014 އަދި 2015 ވަނަ އަހަރު މައިނަރ އިންޓަރނޭޝަނަލް އޮޑިޓް ކުރުމަށްފަހު މީރާއިން ނިންމި ނިންމުންތަކަކީ، ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނާއި، ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގަވާއިދާ ޚިލާފަށް މީރާއިން ނިންމާފައިވާ ނިންމުންތަކެއް ކަމުގައި ފާހަގަކޮށް، މައިނަރ އިންޓަރނޭޝަނަލްގެ ފަރާތުން އެ ނިންމުންތަކަށް އިޢުތިރާޟުކޮށް އެކަން 27 ޖުލައި 2017 ގައި5 މީރާއަށް އެންގިއެވެ.

5. މައިނަރ އިންޓަރނޭޝަނަލްގެ ފަރާތުން ހުށަހެޅި އިޢުތިރާޟުގައި އޮޑިޓް ރިޕޯޓުތަކުގައި ފާހަގަ ކޮށްފައިވާ މައިގަނޑު ދެ މައްސަލައަށް އިޢުތިރާޟު ކުރާކަން ފާހަގަ ކޮށްފައިވެއެވެ. އަދި މީގެ އިތުރަށް އޮޑިޓްތައް ކުރިއަށް ގެންދިއުމަށް މީރާގެ ފަރާތުން ދީފައިވާ އޮޑިޓް ނޯޓިސްތަކަކީ ޤާނޫނާ ޚިލާފަށް ދީފައިވާ ނޯޓިސްތަކެއް ކަމުގައި އެ ކުންފުނިން ފާހަގަ ކޮށްފައިވެއެވެ.

6. މައިނަރ އިންޓަރނޭޝަނަލްގެ ފަރާތުން ހުށަހެޅި އިޢުތިރާޟުތަކާ ގުޅިގެން މީރާއިން ނިންމާފައިވަނީ، އެ އިދާރާއިން އޮޑިޓްތަކާ ގުޅިގެން ނިންމާފައިވާ ނިންމުންތަކަށް ބަދަލު ގެންނަންޖެހޭ ފަދަ ސަބަބެއް ނެތްކަމުގައެވެ. މި ފަދައިން މީރާއިން ނިންމައި އެކަން މައިނަރ އިންޓަރނޭޝަނަލްއަށް އަންގާފައިވަނީ 29 ނޮވެމްބަރ 2018 ގައެވެ.

ޓްރައިބިއުނަލް މަރުޙަލާ

7. 2014 ވަނަ އަހަރާއި 2015 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްތަކާ ގުޅިގެން މައިނަރ އިންޓަރނޭޝަނަލްގެ ފަރާތުން ހުށަހެޅި އިޢުތިރާޟުތަކާ ގުޅިގެން މީރާއިން ނިންމި ނިންމުންތަކަށް އިންކާރުކޮށް، މައިނަރ އިންޓަރނޭޝަނަލްގެ ފަރާތުން ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް ދެ މައްސަލައެއް ހުށަހެޅިއެވެ. މި ދެ މައްސަލައިގެ ތެރެއިން 2014 ވަނަ އަހަރުގެ އޮޑިޓާ ގުޅިގެން ހުށަހެޅި މައްސަލައިގެ މައްސަލަ ނަންބަރަކީ TAT-CA-B/2019/001 އެވެ. އަދި 2015 ވަނަ އަހަރުގެ އޮޑިޓާ ގުޅިގެން ހުށަހެޅި މައްސަލައިގެ މައްސަލަ ނަންބަރަކީ TAT-CA-B/2019/002 އެވެ.

8. ޓްރައިބިއުނަލަށް ހުށަހެޅި ދެ މައްސަލައިގެ ތެރެއިން 2014 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓާ ގުޅިގެން ހުށަހެޅި މައްސަލައިގައި މައިނަރ އިންޓަރނޭޝަނަލްއިން ހުށަހަޅާފައިވަނީ އަންނަނިވި ތިން ނުކުތާއެވެ. އަދި 2015 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓާ ގުޅިގެން ހުށަހަޅާފައިވަނީ މި ނުކުތާތަކުގެ ތެރެއިން އެންމެ ފަހު ދެ ނުކުތާއެވެ.

(ހ) މީރާއިން ފޮނުވާފައިވާ އޮޑިޓް ނޯޓިސްއަކީ ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 20 ވަނަ މާއްދާއާ ޚިލާފަށް ފޮނުވާފައިވާ ނޯޓިހެއް ކަމުން އެ ނޯޓިހަކީ ބާޠިލު ނޯޓިހެއްކަމުގައި ބުނެ ހުށަހެޅި ނުކުތާ.

(ށ) މައިނަރ އިންޓަރނޭޝަނަލްގެ ފަރާތުން ވިޔަފާރީގެ ބޭނުމަށް ކޮށްފައިވާ ބައެއް ޚަރަދަކީ "ހެޑް އޮފީސް" ޚަރަދު ކަމުގައި މީރާއިން ކަނޑައަޅާފައިވަނީ ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 10 ވަނަ މާއްދާގެ (ހ) އާއި، އެ މާއްދާގެ (ރ) ގެ (3) ވަނަ ނަންބަރާއި، ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގަވާއިދުގެ 25 ވަނަ މާއްދާ އާއި 27 ވަނަ މާއްދާ އާއި 28 ވަނަ މާއްދާއާ ޚިލާފަށް ކަމުގައި ހުށަހެޅި ނުކުތާ.

(ނ) މައިނަރ އިންޓަރނޭޝަނަލްގެ ފަރާތުން ދައްކާފައިވާ ލޯނު އިންޓަރެސްޓް އުނި ނުކުރެވޭނެކަމަށް މީރާއިން ނިންމާފައިވަނީ ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރާއި އެ ޤާނޫނުގެ 29 ވަނަ މާއްދާއާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާ.

9. މައިނަރ އިންޓަރނޭޝަނަލްއިން ޓްރައިބިއުނަލަށް ވަކިވަކިން ހުށަހެޅި ދެ މައްސަލައިގައި ފާހަގަ ކުރި ޖުމުލަ 03 (ތިނެއް) ނުކުތާގެ ތެރެއިން މައިނަރ އިންޓަރނޭޝަނަލްއާ އެއްކޮޅަށް ޓްރައިބިއުނަލްއިން ނިންމާފައިވަނީ ހެޑް އޮފީސް ޚަރަދާ ގުޅިގެން އެ ކުންފުނިން ހުށަހެޅި ނުކުތާއެވެ. މީގެ އިތުރަށް ޓްރައިބިއުނަލުން ނިންމާފައިވަނީ 2014 ވަނަ އަހަރު އޮޑިޓް ކުރުމަށްޓަކައި މީރާއިން ފޮނުވި ނޯޓިހަކީ ޞައްޙަ ނޯޓިހެއް ކަމުގައްޔާއި، ގުޅުންހުރި ފަރާތްތަކުގެ އަތުން ނަގައިފައިވާ ލޯނާ ގުޅޭ މުއާމަލާތްތަކުގެ މައްޗަށް ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 29 ވަނަ މާއްދާގެ ބަދަލުގައި ތަތުބީގު ކުރަންވާނީ އެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރު ކަމުގައެވެ. އަދި މި ކަންކަމުގެ އިތުރަށް އޮޑިޓް ރިޕޯޓުތަކުގައި ފާހަގަކޮށްފައިވާ ލޯނަކީ ލޯނެއް ނޫންކަމުގައި ވެސް ޓްރައިބިއުނަލުން ނިންމާފައިވެއެވެ.

ހައިކޯޓުގެ މަރުޙަލާ

10. ޓްރައިބިއުނަލަށް ހުށަހެޅި ދެ މައްސަލަ ނިންމުމުން އެ ދެ މައްސަލައިގެ ނިންމުމާމެދު ހިތްހަމަ ނުޖެހިގެން މައިނަރ އިންޓަރނޭޝަނަލްގެ ފަރާތުން އެ ދެ މައްސަލަ ވަކިވަކިން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ. އަދި މި ދެ މައްސަލަ ހައިކޯޓުން ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2021/HC-A/77 ޤަޟިއްޔާ އާއި، ނަންބަރު 2021/HC-A/78 ވަނަ ޤަޟިއްޔާ އިންނެވެ.

11. މައިނަރ އިންޓަރނޭޝަނަލްއިން މި އެ ދެ މައްސަލައިގައި ޖުމުލަ 05 (ފަހެއް) އިސްތިއުނާފީ ނުކުތާއެއް ހައިކޯޓަށް ހުށަހަޅާފައި ވެއެވެ. ތިރީގައި މިވަނީ އެ ނުކުތާތަކެވެ. އަދި މި ނުކުތާތަކުގެ އެންމެ ފުރަތަމަ ދެ ނުކުތާއަކީ ޓްރައިބިއުނަލްގެ ނަންބަރު TAT-CA-B/2019/001 މައްސަލައާ ގުޅިގެން ފާހަގަ ކޮށްފައިވާ ދެ ނުކުތާއެވެ. ބާކީ ތިން ނުކުތާއަކީ، ޓްރައިބިއުނަލްގެ ދެ މައްސަލައިގައި ވެސް ހުށަހެޅި ތިން ނުކުތާއެވެ.

(ހ) 2014 ވަނަ އަހަރުގެ އޮޑިޓް ކުރުމަށް މީރާއިން ދީފައިވާ ނޯޓިހަކީ ޞައްޙަ ނޯޓިހެއް ކަމަށް ޓްރައިބިއުނަލުން ނިންމާފައިވަނީ ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) އާއި (ނ) އާއި، އެ މާއްދާގެ (ކ) އާ ޚިލާފަށް ކަން.

(ށ) ޓްރައިބިއުނަލުން ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 20 ވަނަ މާއްދާގެ (ކ) މާނަކޮށްފައިވަނީ، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ6 5 ވަނަ މާއްދާ އާއި އެ ޤާނޫނުގެ 17 ވަނަ މާއްދާއާ ޚިލާފަށް ކަން.

(ނ) ޓްރައިބިއުނަލުން މައްސަލަ ނިންމާފައިވަނީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 54 ވަނަ މާއްދާގެ (ހ) އާއި، އެ މާއްދާގެ (ރ) އާއި، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދުގެ 4 ވަނަ މާއްދާގެ (ށ) ގެ 02 ވަނަ ނަންބަރާއި، އެ ގަވާއިދުގެ 06 ވަނަ މާއްދާގެ (ހ) އާއި 20 ވަނަ މާއްދާ އާއި 21 ވަނަ މާއްދާ އާއި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާއާ ޚިލާފަށްކަން.

(ރ) ޓްރައިބިއުނަލުން މައްސަލަ ނިންމާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޝަމްޢީލް ރަޝީދު7 ޤަޟިއްޔާގައި ބަޔާން ކޮށްފައިވާ އުސޫލާ ޚިލާފަށްކަން.

(ބ) ޓްރައިބިއުނަލަށް އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިނުވާ މައްސަލައަކަށް އެ ޓްރައިބިއުނަލުން ގޮތެއް ކަނޑައަޅާފައިވާ ކަން. އަދި މި ފަދައިން ނިންމުމުގައި ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގަވާއިދުގެ 8 ވަނަ މާއްދާގެ (ނ) އާއި، މައްސަލައިގައި ހުށަހެޅިފައިވާ ކިތާބީ ހެކިތަކުން ސާބިތުވާންހުރި ޙަޤީޤަތްތަކަށް ރިޢާޔަތް ކުރުމެއް ނެތި މައްސަލަ ނިންމާފައިވާކަން.

12. ޓްރައިބިއުނަލްގެ ދެ މައްސަލަ އެކުއެކީގައި ކުރިއަށް ގެންގޮސް އެ ދެ މައްސަލަ ނިންމުމުގައި ހައިކޯޓުން ޓްރައިބިއުނަލްގެ ނިންމުންތަކަށް ތާއީދު ކޮށްފައި ވެއެވެ. މި ގޮތުން 2014 ވަނަ އަހަރު އޮޑިޓް ކުރުމަށް މީރާއިން ފޮނުވާފައިވާ ނޯޓިހަކީ ޞައްޙަ ނޯޓިހެއް ކަމުގައްޔާއި، މި ދެ މައްސަލައިގައި ވާހަކަ ދެކެވޭ ލޯނަކީ، ލޯނެއް ނޫން ކަމުގައްޔާއި، އެ ލޯނަކީ އިކުއިޓީ ކޮންޓްރިބިއުޝަނެއް ކަމުގައި ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމަށް ހައިކޯޓުން ތާއީދު ކޮށްފައިވެއެވެ.

ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތައް

13. ހައިކޯޓުން މައިނަރ އިންޓަރނޭޝަނަލްއަށް މައްސަލަތައް ކާމިޔާބު ނުވުމުން، ހައިކޯޓުގެ ނިންމުން ޤާނޫނާ ޚިލާފު ކަމުގައި ބުނެ އެ ކުންފުނިން އަންނަނިވި އިސްތިއުނާފީ ނުކުތާތައް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވެއެވެ.

(ހ) 2014 ވަނަ އަހަރު އޮޑިޓް ކުރުމަށް މީރާއިން ދީފައިވާ ނޯޓިހަކީ ޞައްޙަ ނޯޓިހެއްކަމަށް ހައިކޯޓުން ނިންމާފައިވަނީ ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) އާއި (ނ) އާއި، (ކ) އާ ޚިލާފަށް ކަން. އަދި ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 20 ވަނަ މާއްދާގެ (ކ) މާނަކޮށް ތަޠުބީޤު ކުރުމުގައި އެ މާއްދާގައި ބަޔާންކުރާ އެންމެހައި އުންޞުރުތައް ފުރިހަމަ ވެފައިވާކަން ހައިކޯޓުން ބަލާފައި ނެތްކަން.

(ށ) ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 20 ވަނަ މާއްދާގެ (ކ) ހައިކޯޓުން މާނަ ކޮށްފައިވަނީ، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު 5 ވަނަ މާއްދާ އާއި އެ ޤާނޫނުގެ 17 ވަނަ މާއްދާއާ ޚިލާފަށް ކަން. މި ގޮތުން މި އަކުރުގައި ބަޔާންވެފައިވާ 03 އަހަރު ދުވަހުގެ މުއްދަތު ގުނަން ފަށަންވާނީ 20 ވަނަ މާއްދާގެ (ށ) އާއި (ނ) ގައި ބަޔާންކޮށްފައިވާ ޓެކްސް ބަޔާން ހުށަހަޅާ ތާރީޚުން ފެށިގެން ނުވަތަ ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ތާރީޚުން ފެށިގެންކަން. އަދި މި ނޫން ގޮތަކަށް މި މާއްދާ މާނަކުރާ ނަމަ ނުކުންނާނީ ދެކޮޅު ނުޖެހޭ ނަތީޖާއެއްކަން ޤާނޫނުގައިވާ މުއްދަތު ތަކަށާއި، މުޅި ޤާނޫނުގައިވާ މަފްހޫމުތަކަށް ބެލުމުން އެނގެން އޮންނަކަން. ވުމާއެކު މިއީ ޤާނޫނުގެ 20 ވަނަ މާއްދާގެ (ކ) ގައިވާ މުއްދަތު ގުނަން ފެށުމުގައި ޚާއްޞަ މާނަކުރުމެއް ދޭންޖެހޭ ހާލަތެއްކަން.

(ނ) ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 20 ވަނަ މާއްދާގެ (ކ) މާނަ ކޮށްފައިވަނީ، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު ގެ 5 ވަނަ މާއްދާ އާއި އެ ޤާނޫނުގެ 17 ވަނަ މާއްދާއާ ޚިލާފަށްކަމަށް ކަނޑައެޅިދާނެ ހަމައެއް އޮތް ކަމަށް ނުފެންނަކަމަށް ހައިކޯޓުން ނިންމާފައިވަނީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އިން ކަށަވަރު ކޮށްދީފައިވާ "އިންސާފުވެރި ޝަރީއަތެއް ކުރުމުގެ ޙައްޤު" އާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު އިސްމާޢިލް ވ. ލަޠީފާ ޢަލީ ޙަސަން [2021] SC 308 ޤަޟިއްޔާގައި ކަނޑައަޅައިފައިވާ "ހުކުމަށް ވާސިލުވީ ސަބަބު ބަޔާންކުރުމުގެ ވާޖިބު" ގެ އުސޫލާ ޚިލާފަށް ކަން.

(ރ) އޮޑިޓް ކުރާނެ ފަރާތްތައް ކަނޑައެޅުމާއެކު އެފަރާތްތަކަށް އޮޑިޓް ނޯޓިސް ދިނުމަކީ މީރާއިން އިދާރީ ގޮތުން ނިންމާ ނިންމުމެއް ކަމުގައިވާތީ އެ ނޯޓިސް ދީފައިވަނީ ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ ވަކި މާއްދާއެއްގެ ދަށުން ކަމުގައި ބަޔާންކޮށްފައި ނުވުމަކީ އެ ނޯޓިސް ޞައްޙަ ނުވާނެ ސަބަބެއް ނޫންކަމަށް ހައިކޯޓުން ނިންމި ނިންމުމަކީ ޤާނޫނުއަސާސީ ގެ 43 ވަނަ މާއްދާގެ (ށ) އާއި (ނ) އާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަން.

(ބ) މި މައްސަލައިގައި ވާހަކަދެކެވޭ ލޯނަކީ ލޯނެއް ކަމާމެދު ޚަޞްމުންގެ މެދުގައި ޚިލާފެއް ނެތްއިރު، އަދި އެކަމަކީ ޓްރައިބިއުނަލަށް ގޮތެއް ނިންމުމަށް ހުށަހެޅުނު ކަމަކަށް ނުވާއިރު، އެ ލޯނަކީ ލޯނެއް ނޫންކަމުގައި ޓްރައިބިއުނަލުން ނިންމި ނިންމުމަށް ހައިކޯޓުން ތާއީދުކޮށްފައިވަނީ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 54 ވަނަ މާއްދާގެ (ހ) އާއި، އެ މާއްދާގެ (ރ) އާއި، ޓްރައިބިއުނަލް ގެ ގަވާއިދުގެ 4 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރާއި، އެ ގަވާއިދުގެ 6 ވަނަ މާއްދާގެ (ހ) އާއި 20 ވަނަ މާއްދާ އާއި 21 ވަނަ މާއްދާ އާއި ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާ އާއި ސުޕްރީމް ކޯޓުގެ އިސްމާޢިލް ޝުޖާޢު ވ. ޔޫސުފް ރިޟާ [2021] SC 989 މައްސަލައިގައި ކަނޑައަޅައިފައިވާ އުސޫލާ ޚިލާފަށްކަން.

(ޅ) ޚަޞްމުންގެ ފަރާތުން ހުށަހަޅާފައި ނެތް ކަމެއްގައި ޓްރައިބިއުނަލުން ގޮތެއް ކަނޑައަޅައި މައްސަލަ ނިންމާފައިވަނީ ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޝަމްޢީލް ރަޝީދު10 މައްސަލައިގައި ބަޔާންކޮށްފައި އުސޫލާ ޚިލާފަށްކަމަށް ބުރަނުވެވޭ ކަމަށް ހައިކޯޓުން ނިންމާފައިވަނީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އިން ކަށަވަރު ކޮށްދީފައިވާ "އިންސާފުން ޝަރީއަތް ކުރުމުގެ ޙައްގު" އަށް ރިޢާޔަތް ކުރުމެއް ނެތި ކަމުގައިވާތީ އެކަމަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާ އާއި ސުޕްރީމު ކޯޓުގެ އިސްމާޢިލް ޝުޖާޢު ވ. ޔޫސުފް ރިޟާ11 މައްސަލަ އާއި ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޝަމްއީލް ރަޝީދު12 މައްސަލައިގައި ކަނޑައަޅައިފައިވާ އުސޫލާ ޚިލާފު ކަމެއް ކަމުގައިވުން.

(ކ) މި މައްސަލައިގައި ހިމެނޭ ލޯނަކީ ޚަޞްމުންގެ މެދުގައި ލޯނެއްކަމާމެދު އެއްވެސް މިންވަރެއްގެ ދެބަސްވުމެއް އެކުލެވިގެންވާ ކަމެއް ކަމުގައިނުވި ނަމަވެސް މައްސަލައިގެ ޚަޞްމުންނަށް ތައުނު ކުރުމަށް ޓްރައިބިއުނަލް އިން ފުރުސަތު ދީފައިނުވާ އަސާސަކަށް ރިޢާޔަތްކޮށް، އެ ލޯނަކީ އިކުއިޓީ ކޮންޓްރިބިއުޝަނެއް ކަމަށް ޓްރައިބިއުނަލުން ނިންމި ނިންމުން ރަނގަޅުކަމަށް ހައިކޯޓުން ކަނޑައަޅާފައިވަނީ ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގަވާއިދުގެ 8 ވަނަ މާއްދާގެ (ނ) އާއި، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ހ) އާއި (ނ)، އެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ށ) އާއި (ބ) އާއި، އިންޓަރނޭޝަނަލް އެކައުންޓިންގ ސްޓޭންޑަޑް (އައި.އޭ.އެސް) 32 (Financial Instruments: Presentation) އާއި ހުށަހަޅައިފައިވާ ކިތާބީ ހެކިން ސާބިތުވާންހުރި ޙަޤީޤަތްތަކަށް ރިޢާޔަތް ކުރުމެއް ނެތި ކަމުގައިވާތީ، އެ ނިންމުމަކީ ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގަވާއިދުގެ 8 ވަނަ މާއްދާގެ (ނ) އާއި، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ހ) އާއި (ނ)، އެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ށ) އާއި (ބ) އާއި، ޤާނޫނުއަސާސީގެ 97 ވަނަ މާއްދާގެ (ށ) އާއި ސުޕްރީމް ކޯޓުގެ މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ [2021] SC 2513 މައްސަލައިގައި ކަނޑައަޅައިފައިވާ އުސޫލާ ޚިލާފު ނިންމުމެއް ކަމުގައިވުން.

(އ) މައިނަރ އިންޓަރނޭޝަނަލްއިން އާމްދަނީ ހޯދުމުގެ ބޭނުމުގައި ނަގާފައިވާ ލޯނުގެ އިންޓަރެސްޓް އުނި ނުކުރެވޭނެކަމަށް މީރާއިން ކަނޑައެޅި ނަމަވެސް، މީރާއިން ކޮށްފައިވާ އޮޑިޓެއްގައި (ޓެކްސް އަހަރު 2011 އިން ޓެކްސް އަހަރު 2013 ގެ ނިޔަލަށް)، މި ލޯނާއި ގުޅޭ އިންޓަރެސްޓް އުނިކުރުމަށް މީރާއިން ހުއްދަ ދީފައިވާތީ، މީރާގެ މި ޢަމަލަކީ ޤާނޫނުއަސާސީގެ 20 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހަމަހަމަކަމުގެ އުސޫލާއި އަދި އިންސާފުވެރިކަމާއެކު އަމަލުކުރާނެ ކަމަށް އުންމީދު ކުރުމުގެ އުސޫލާ ( (Legitimate expectationޚިލާފު ޢަމަލެއްކަމުގައި ވާއިރު، މީރާގެ ނިންމުމަށް ތާއީދުކޮށް ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމަށް ހައިކޯޓުން ތާއީދު ކޮށްފައިވަނީ ކުރިން ބަޔާންކުރި ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމުގައިވުން.

މައިނަރ އިންޓަނޭޝަނަލްއިން އެދޭ ގޮތް

14. އިސްތިއުނާފީ ނުކުތާތައް ހުށަހެޅުމަށްފަހު މި މައްސަލައިގައި މައިނަރ އިންޓަރނޭޝަނަލް އިން އެދިފައިވަނީ އެ ކުންފުނީގެ ޓެކްސް އަހަރު 2014 އޮޑިޓް ކުރުމަށް މީރާއިން ދީފައިވާ އޮޑިޓް ނޯޓިހަކީ ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) އާއި (ނ) އާއި (ކ) އާ ޚިލާފަށް ދީފައިވާ ޞައްޙަނޫން އޮޑިޓް ނޯޓިހެއް ކަމުގައި ކަނޑައަޅައި ދިނުމަށެވެ. އަދި އެ ނޯޓިހުގެ ދަށުން މީރާއިން ނިންމާފައިވާ އޮޑިޓްގައި ނިންމާފައިވާ އެންމެހައި ނިންމުންތަކަކީ ބާޠިލު ނިންމުންތަކެއް ކަމުގައި ކަނޑައަޅައި މި މައްސަލަ ހައިކޯޓުން ނިންމާފައިވަނީ ޝަރުއީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމުގައި ކަނޑައަޅައި ދިނުމަށެވެ.

15. މީގެ އިތުރަށް މި މައްސަލައިގައި ވާހަކަ ދެކެވޭ ލޯނަކީ ޞައްޙަ ލޯނެއް ކަމުގައި ކަނޑައަޅައި ދިނުމަށާއި، އެ ލޯނުގެ އިންޓަރެސްޓް އުނިނުކުރެވޭނެ ކަމުގައި ހައިކޯޓުން ނިންމި ނިންމުން ބާޠިލު ކޮށްދިނުމަށް މައިނަރ އިންޓަރނޭޝަނަލްގެ ފަރާތުން އެދިފައިވެއެވެ. އަދި މި މައްސަލަތަކާ ގުޅިގެން މީރާއަށް އިތުރަށް ދެއްކުމަށް އަންގާފައިވާ ފައިސާއަކީ މައިނަރ އިންޓަރނޭޝަނަލްގެ ފަރާތުން ދައްކަންޖެހޭ ފައިސާއެއް ނޫން ކަމުގައްޔާއި، އަދި މީރާގެ އެންގުމަށް ދައްކާފައިވާ އެންމެހައި ފައިސާ މައިނަރ އިންޓަރނޭޝަނަލްއަށް އަނބުރާ ރައްދު ކުރުމަށް މީރާގެ މައްޗަށް އަމުރު ކޮށްދިނުމަށް ވެސް އެ ކުންފުނީގެ ފަރާތުން އެދިފައިވެއެވެ.

އިސްތިއުނާފީ ނުކުތާތަކުގެ ރައްދު

16. މައިނަރ އިންޓަރނޭޝަނަލްގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގެ ރައްދުގައި މީރާގެ ފަރާތުން އަންނަނިވި ކަންކަން ހުށަހަޅާފައިވެއެވެ.

(ހ) އޮޑިޓް ނޯޓިސް ފޮނުވޭނެ ހަމައެކަނި މުއްދަތަކީ، ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 20 ވަނަ މާއްދާގެ (ށ) އާއި (ނ) ގައި ބަޔާންކޮށްފައިވާ މުއްދަތު ނޫންކަން އެ މާއްދާގެ (ކ) އަށް ބެލުމުން އެނގެން އޮންނަކަން. އަދި އެ ޤާނޫނުގެ 20 ވަނަ މާއްދާގެ ދަށުން ދޭ އޮޑިޓް ނޯޓިހުގައި، އެ ނޯޓިހަކީ އެ މާއްދާގެ ކޮން އަކުރެއްގެ ދަށުން ފޮނުވާ ނޯޓިހެއްކަން ބަޔާން ކުރަންވާނެ ކަމުގައި ޤާނޫނުގައި ބަޔާންވެފައި ނެތްކަމަށާއި، ޤާނޫނުގައި ބަޔާންވެފައި ނެތް ކަމެއް ކޮށްފައި ނެތުމަކީ، ޤާނޫނެއްގެ ދަށުން ކޮށްފައި އޮތްކަމެއް ޤާނޫނާ ޚިލާފު ކަމެއްގެ ގޮތުގައި ބެލުމުގެ ޖާގަ އޮންނާނެ ކަމެއް ކަމުގައި ނުދެކޭކަން. އަދި މި މައްސަލައިގައި ފޮނުވި އޮޑިޓް ނޯޓިހުން އޮޑިޓް ކުރެވޭ ފަރާތުގެ ޙައްޤަކަށް ނުވަތަ ޒިންމާއަކަށް އުނިކަމެއް އައިސްފައި ނުވާނެކަން. ބަހުސްގެ ބޭނުމަށް ބެލިކަމުގައި ވީނަމަވެސް، މި މައްސަލައިގައި ފޮނުވާފައިވާ އޮޑިޓް ނޯޓިހަކީ ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 20 ވަނަ މާއްދާ އެއްފަރާތް ކުރުމަށްފަހު ފޮނުވާފައިވާ ނޯޓިހަކަށް ނުވުމުން ސުޕްރީމް ކޯޓުން ނިންމާފައިވާ ޢަލީ ޒުބައިރު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް14 މައްސަލައިގައިވާ އިޖުރާއަތު ފުރިހަމަކުރުމާ ގުޅޭ އުޞޫލުތައް ތަޠުބީޤު ކުރުމުން ވެސް މި މައްސަލައިގައި މީރާއިން ފޮނުވާފައިވާ ނޯޓިހަކީ ޤާނޫނީ ގޮތުން ޞައްޙަ ނޯޓިހެއް ކަމުގައި ބެލެވޭކަން. ކަން މިހެން އޮތުމުން މި މައްސަލައިގައި ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 20 ވަނަ މާއްދާ މާނަކޮށް ތަޠުބީޤު ކުރުމުގައި ހައިކޯޓުގެ ނިންމުން ރަނގަޅު ނޫންކަމުގައި ބަލާނެ ޖާގައެއް ނެތްކަން.

(ށ) ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 20 ވަނަ މާއްދާގެ (ކ) ގެ ޞަރީޙަ ނައްޞުގައި މުއްދަތު ގުނަން ފަށާނީ މީރާއަށް މައުލޫމާތު "ލިބޭތާ 03 (ތިނެއް) އަހަރު ދުވަހުގެ މުއްދަތެއްގެ ތެރޭގައި" ކަމަށް ބަޔާންކޮށްފައި އޮތުމުން، ނޯޓިސް ފޮނުވުމުގެ މުއްދަތު އެ ނޫން ގޮތަކަށް ނުގުނޭނެކަމަށާއި، އެ ނޫން ގޮތަކަށް މުއްދަތު ގުނާނަމަ އެކަން ވެގެންދާނީ ޤާނޫނާ ކަނޑައެޅިގެން ޚިލާފަށް ކުރެވޭ ކަމަކަށް ކަމަށާއި، އަދި މި ނުކުތާގައި ހައިކޯޓުގެ ނިންމުން ޤާނޫނާ ޚިލާފު ކަމުގައި މީރާއިން ނުދެކޭކަން.

(ނ) ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 20 ވަނަ މާއްދާގެ (ކ) މާނަ ކޮށްފައިވަނީ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 5 ވަނަ މާއްދާ އާއި އެ ޤާނޫނުގެ 17 ވަނަ މާއްދާއާ ޚިލާފަށްކަމަށް ކަނޑައެޅިދާނެ ހަމައެއް އޮތް ކަމަށް ނުފެންނަކަމަށް ހައިކޯޓުން ނިންމުމުގައި، އެ ނިންމުމަށް ވާސިލުވި ސަބަބުތައް ތަފުސީލުކޮށް ބަޔާންކޮށްފައިވާކަން. އަދި އެކަންކަން ހައިކޯޓުގެ ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓުން ފާހަގަވާން ހުރުމުން މި ނުކުތާގައި މައިނަރ އިންޓަރނޭޝަނަލްގެ ފަރާތުން ފާހަގަކޮށްފައިވާ ކަންކަމަކީ ޙަޤީޤަތާ އެއްގޮތަށް ފާހަގަކޮށްފައި ހުރި ކަންތައްތަކެއް ނޫންކަން.

(ރ) އޮޑިޓް ނޯޓިސް ފޮނުވުމުގައި، އެ ނޯޓިހަކީ ޤާނޫނުގެ ވަކި މާއްދާއެއްގެ ވަކި އަކުރެއްގެ ދަށުން ފޮނުވާފައިވާ ނޯޓިހެއް ކަމުގައި ބަޔާންކޮށްފައި ނުވުމަކީ އެ ނޯޓިހަކީ ޞައްޙަ ނޫން ނޯޓިހެއް ކަމުގައި ބެލެވޭނެ ކަމެއް ނޫންކަމަށާއި، ހައިކޯޓުން މިފަދައިން ނިންމާފައިވާ ނިންމުން ޤާނޫނާ ޚިލާފު ކަމުގައި ނުބެލެވޭނެ ކަމަށާއި، އަދި އެ ފަދަ ނޯޓިހަކީ ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގެ (ށ) އާއި (ނ) ގައި އިޝާރާތް ކޮށްފައިވާ "ފިޔަވަޅެއް" ނޫންކަމާއި، އެއީ ޤާނޫނީ ގޮތުން މީރާއިން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތެއްކަން.

(ބ) މި މައްސަލައިގައި ވާހަކަ ދެކެވޭ ލޯނަކީ ހަގީގަތުގައި ވެސް ލޯނެއްކަން ނުވަތަ ނޫންކަމާމެދު ޓްރައިބިއުނަލުން ގޮތެއް ނިންމާފައިވަނީ ޚަޞްމުންގެ ފަރާތުން އެކަމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމެއް ނެތި ކަމުގައި ނުބެލެވޭނެ ކަމުގައްޔާއި، އެހެނީ މި މައްސަލަ ޓްރައިބިއުނަލަށް ހުށަހަޅަމުން މި މައްސަލައިގައި މީރާގެ ނިންމުން ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގެ 05 ވަނަ ނަންބަރާ ޚިލާފު ކަމުގައި ނިންމައި ދިނުމަށް އެދިފައިވާއިރު، އެ ނަންބަރުގެ ދަށުން ގޮތެއް ކަނޑައަޅައި، އެ މާއްދާގައިވާ ފަދައިން އިންޓްރެސްޓް އުނިކުރުމަށް ހުއްދަ ދިނުމާމެދު ގޮތެއް ނިންމުމުގައި ގުޅުންހުރި ފަރާތްތަކުގެ މެދުގައި ދެވޭ ލޯނަކީ ހަގީގަތުގައި ވެސް ލޯނެއްކަން ނުވަތަ ނޫންކަމާމެދު ގޮތެއް ނިންމަންޖެހޭކަން ޓްރައިބިއުނަލްގެ ނިންމުމުގައި ސާފުކޮށް ބަޔާންކޮށްފައި އޮތްކަން. އަދި މި ކަމަށް ހައިކޯޓުން ތާއީދުކޮށްފައިވާއިރު، ހައިކޯޓުގެ ނިންމުން ޤާނޫނާ ޚިލާފު ކަމުގައި ނުބެލެވޭނެކަން.15

(ޅ) މި މައްސަލައިގައި ވާހަކަ ދެކެވޭ ލޯނަކީ ލޯނެއް ނޫންކަމުގައި ޓްރައިބިއުނަލުން ނިންމި ނިންމުމަށް ހައިކޯޓުން ތާއީދު ކުރި ކުރުން ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގަވާއިދުގެ 08 ވަނަ މާއްދާގެ (ނ) އާ ޚިލާފު ކަމުގައި މައިނަރ އިންޓަރނޭޝަނަލްއިން ފާހަގަކުރި ނަމަވެސް، އެ ގަވާއިދުގެ އެ މާއްދާއަކީ ހައިކޯޓުގައި އެ ފަރާތުން ފާހަގަކުރި ނުކުތާއެއް ނޫންކަމުގައިވާތީ، އެއީ ސުޕްރީމް ކޯޓަށް ހުށަހެޅޭނެ ނުކުތާއެއް ކަމުގައި ނުދެކޭކަމަށާއި އަދި ބަހުސްގެ ބޭނުމަށް ބެލި ނަމަވެސް، އެ ލޯނަކީ ހަގީގަތުގައި ވެސް ލޯނެއްކަން ނުވަތަ ނޫންކަން ބަލަންޖެހޭ ސަބަބު ދެ މަރުޙަލާގެ ނިންމުމުން ސާފުވާކަން.

(ކ) 2011 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރުގެ ނިޔަލަށް ލޯނުގެ އިންޓަރެސްޓް އުނިކުރުމަށް ހުއްދަ ދީފައިވާއިރު، އެ ލޯނުގެ އިންޓްރެސްޓް އުނި ނުކުރެވޭނެ ކަމުގައި މީރާއިން ފަހުން ނިންމާފައިވާ ނިންމުމަށް ހައިކޯޓުން ތާއީދު ކުރުމަކީ ޤާނޫނުއަސާސީގެ 20 ވަނަ މާއްދާގައިވާ ހަމަހަމަކަމުގެ އުސޫލާ ޚިލާފު ކަމެއް ކަމުގައި ފާހަގަ ކުރި ނަމަވެސް، މިކަމަކީ މައިނަރ އިންޓަރނޭޝަނަލްގެ ފަރާތުން ހައިކޯޓުގައި ފާހަގަ ކޮށްފައިވާ ކަމެއް ކަމުގައި ނުވާތީ، މިއީ ސުޕްރީމް ކޯޓުން ބަލައި ގޮތެއް ކަނޑައެޅޭނެ ނުކުތާއެއް ކަމުގައި ނުދެކޭކަން.

ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހޭ ކަންކަން

17. މި މައްސަލައިގެ އިސްތިއުނާފީ ނުކުތާތަކަށް ބަލާއިރު، ޝަރީޢަތުގެ ކުރިމަތީގައި މައިގަނޑު ދެ ސުވާލެއް އެބަ އޮތެވެ. ފުރަތަމަ ސުވާލަކީ، މި މައްސަލައިގައި އޮޑިޓް ކުރުމަށް މީރާއިން ފޮނުވާފައިވާ ނޯޓިހަކީ ޤާނޫނާ ޚިލާފަށް ފޮނުވާފައިވާ ނޯޓިހެއް ހެއްޔެވެ؟ މި ސުވާލެވެ. ދެވަނަ ސުވާލަކީ، މި މައްސަލައިގައި ބަހުސްކުރެވޭ ލޯނަކީ ލޯނެއް ނޫންކަމުގައި ޓްރައިބިއުނަލުން ނިންމި ނިންމުމަށް ހައިކޯޓުން ތާއީދުކުރި ކުރުން ޤާނޫނާ އެއްގޮތް ހެއްޔެވެ؟

18. މި އިޝާރާތް ކުރި މައިގަނޑު ދެ ސުވާލުވެސް ދައުރުވަނީ އިސްތިއުނާފީ އަށް ނުކުތާއެއްގެ ތެރޭގައި ކަމަށްވާތީ، އެ ނުކުތާތައް ހުށަހެޅިފައިވާ ތަރުތީބުން އެކަންކަމަށް ޖަވާބު ދެވޭތޯ އަހުރެން އެނބުރިލަމެވެ.

ޓެކްސް ދައްކަންޖެހޭ މިންވަރު ބަލާކަން އަންގާ އެންގުން

19. އިސްތިއުނާފީ ފުރަތަމަ ނުކުތާގައި މައިނަރ އިންޓަރނޭޝަނަލްގެ ފަރާތުން ފާހަގަކޮށްފައިވަނީ މި މައްސަލަ ހައިކޯޓުން ނިންމާފައިވަނީ ޓެކްސް ދައްކަންޖެހޭ މިންވަރު ބަލާކަން އަންގާ އެންގުން ނުވަތަ "އޮޑިޓް ނޯޓިސް" ފޮނުވުމާ ގުޅިގެން ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 20 ވަނަ މާއްދާގައިވާ އުސޫލުތަކާ ޚިލާފަށް ކަމުގައެވެ. މި ގޮތުން އެ މާއްދާގެ (ހ) އާއި (ނ) އާ ޚިލާފަށް ހައިކޯޓުން މައްސަލަ ނިންމާފައިވާ ކަމުގައި އެ ކުންފުނީގެ ފަރާތުން ފާހަގަ ކުރެއެވެ. އަދި އެ މާއްދާގެ (ކ) ހައިކޯޓުން މާނަކޮށް ތަޠުބީޤު ކޮށްފައިވަނީ އެ އަކުރުގައި ބަޔާންކުރާ އެންމެހައި އުންސުރުތައް ފުރިހަމަވެފައިވާކަން އެ ކޯޓުން ވަޒަންކުރުމެއް ނެތި ކަމުގައެވެ.

20. ހައިކޯޓުން މި ނުކުތާއާ ގުޅިގެން ނިންމާފައިވަނީ، "ޓެކްސް ދައްކަންޖެހޭ މިންވަރު ބަލާކަން އަންގާ އެންގުން" (Audit Notice) އިން، އެ ނޯޓިސްގައި އޮޑިޓް ކުރެވޭ މުއްދަތު ކަމަށް ބަޔާންކޮށްފައިވަނީ 1 ޖަނަވަރީ 2014 އިން 31 ޑިސެންބަރު 2014 އަށް ކަމަށާއި، އަދި އެ އޮޑިޓްގެ މަޤްޞަދަކީ ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސް (ބީ.ޕީ.ޓީ) ހިސާބުކޮށްފައިވަނީ ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނާއި ގަވާއިދުގެ ދަށުންތޯ ބެލުންކަން ބަޔާންކޮށްފައިވާތީއާއި، އެ ނޯޓިސް ފޮނުވާފައިވަނީ ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 20 ވަނަ މާއްދާއާ އެއްގޮތަށް އެ މާއްދާގެ (ހ) ގައި ބަޔާންކުރާ މަޢުލޫމާތުތައް ފުރިހަމައަށް ހިމެނިގެން ކަމަށެވެ. އަދި "ޓެކްސް ދައްކަންޖެހެ މިންވަރު ބަލާކަން އަންގާ އެންގުން" ފޮނުވުމުގައި، ޤާނޫނީ މާއްދާ ކަމަށްވާ 20 ވަނަ މާއްދާއާ ޙަވާލާދީފައި އޮވެ، އެ މާއްދާގެ (ކ) އާ ޙަވާލާދެވިފައި ނުވުމަކީ ހަމައެކަނި އެ ސަބަބުގެ މައްޗަށް ބަލައި ނޯޓިސް ޤާނޫނީ ގޮތުން ޞައްޙަ ނޫން ކަމަށް ކަނޑައެޅިދާނެ ހަމައެއް ކަމަށް ނުދެކޭކަމަށެވެ.16

21. ޓެކްސް ދައްކަންޖެހޭ މިންވަރު ބަލާކަން އަންގާ އެންގުން ނުވަތަ "އޮޑިޓް ނޯޓިސް" ފޮނުވުމާގުޅޭ އުސޫލުތައް ބަޔާންވެފައިވަނީ ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 20 ވަނަ މާއްދާގައެވެ. އެ މާއްދާއަށް ބަލާއިރު، އެ މާއްދާގެ (ހ)17 ގައި ޓެކްސް ދައްކާ ފަރާތުން ޓެކްސްގެ ކަންކަން ކުރިއަށް ގެންގޮސްފައިވާ ގޮތް މީރާއިން ބަލަން ގަސްތުކުރާ ނަމަ، އެކަން ޓެކްސް ދައްކާ ފަރާތަށް އެ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން އެންގިދާނެ ކަމުގައި (އޮޑިޓް ނޯޓިސް ފޮނުވިދާނެ ކަމުގައި) ބަޔާން ކޮށްފައިވެއެވެ. މީގެ އިތުރަށް އޮޑިޓް ކުރުމަށްފަހު ޓެކްސްގެ ޢަދަދެއް ކަނޑައަޅައި އެ ޢަދަދެއް ދެއްކުމަށް އެއްވެސް ފަރާތަކަށް އެންގޭނީ ޓެކްސް ދައްކަންޖެހޭ މިންވަރު ބަލާކަން އަންގާ އެންގުމެއް އަންގާފައިވާ ނަމަ ކަމުގައިކަން އެ ޤާނޫނުގެ 21 ވަނަ މާއްދާގެ (ހ)18 ގައި ބަޔާންކޮށްފައިވެއެވެ.

22. އޮޑިޓް ނޯޓިހާ ގުޅޭ އުސޫލުތައް ތަފުސީލު ކުރަމުން އޮޑިޓް ނޯޓިސް ފޮނުވޭނެ މުއްދަތުތައް ބަޔާންކުރަނީ އެ ޤާނޫނުގެ 21 ވަނަ މާއްދާގެ (ށ) ގައެވެ. މި މާއްދާގެ (ށ) ގައި ބަޔާންވެފައިވަނީ،

"މީހަކު ޓެކްސް އަހަރެއްގެ ޓެކްސް ބަޔާނެއް ހުށަހެޅީ، ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ދުވަހު ނުވަތަ އެއަށްވުރެ ކުރިންކަމަށްވާނަމަ، ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ދުވަހުން ފެށިގެން 12 (ބާރަ) މަސްދުވަސް ހަމަވުމުގެ ކުރިން އެމީހަކަށް ޓެކްސް ދައްކަންޖެހޭ މިންވަރު ބަލާކަން އަންގާ އެންގުމެއް އޭނާއަށް ފޮނުވިދާނެ" ކަމުގައެވެ.

23. އަދި މި މާއްދާގެ (ނ) ގައި ބަޔާންވެފައިވަނީ،

"އެއްވެސް މީހަކު ޓެކްސް އަހަރެއްގެ ޓެކްސް ބަޔާނެއް ހުށަހަޅާފައިވަނީ، ބަޔާން ހުށަހަޅަންޖެހޭ ދުވަހުގެ ފަހުންކަމަށް ވަނީނަމަ، ނުވަތަ މި ޤާނޫނުގެ 19 ވަނަ މާއްދާގެ ދަށުން، ޓެކްސް އަހަރެއްގެ ޓެކްސް ބަޔާނެއް އިޞްލާޙުކުރިކަމުގެ އެންގުމެއް ފޮނުވާފައިވާނަމަ، އެ ބަޔާން ހުށަހެޅި ދުވަހުން، ނުވަތަ އެ އިޞްލާޙުކުރިކަމުގެ އެންގުމުގެ ތާރީޚުން ފެށިގެން 12 (ބާރަ) މަސްދުވަސް ހަމަވުމުގެ ކުރިން އެމީހަކަށް ޓެކްސް ދައްކަންޖެހޭ މިންވަރު ބަލާކަން އަންގާ އެންގުމެއް އޭނާއަށް ފޮނުވިދާނެ" ކަމުގައި ބަޔާންކޮށްފައިވެއެވެ.

24. އޮޑިޓް ނޯޓިސް ފޮނުވުމުގެ ޢާންމު މުއްދަތުތައް ބަޔާން ކުރުމަށްފަހު، އެ މާއްދާގައި އެ މުއްދަތުތަކަށް އިސްތިސްނާތަކެއް ބަޔާންކޮށްފައިވެއެވެ. މި ގޮތުން ޤާނޫނު ދީފައިވާ އެއް އިސްތިސްނާއަކީ، ޓެކްސް އަހަރެއްގެ ޓެކްސް ބަޔާން ހުށަހަޅާފައިނުވާ ނަމަ، ކޮންމެ ވަގުތެއްގައި އޮޑިޓް ނޯޓިސް ފޮނުވިދާނެ ކަމަށް އޮންނަ އޮތުމެވެ.19 ދެވަނަ އިސްތިސްނާއަކީ، ޓެކުހަށް ގަސްތުގައި މަކަރުހަދައި، ޓެކްސް ދެއްކުމުން ރެކިފައިވާކަމަށް މީރާއަށް ޤަބޫލުކުރެވޭ ވަރަށް ނުވަތަ ޤަބޫލުކުރެވިދާނެ ވަރަށް ފުދޭ ވަރުގެ މައުލޫމާތު މީރާއަށް ލިބޭތާ 03 (ތިނެއް) އަހަރު ދުވަހުގެ ތެރޭގައި ޓެކްސް ދައްކަންޖެހޭ މިންވަރު ބަލާކަން އަންގާ އެންގުމެއް ފޮނުވިދާނެ ކަމުގައެވެ. މި މުއްދަތު ބަޔާންވެފައިވާ 20 ވަނަ މާއްދާގެ (ކ) ގައި އޮތް ޢިބާރާތް ތިރީގައި މިވަނީއެވެ.

"އެކަށީގެންވާ ސަބަބުތަކެއް ހުރެގެން އެމް.އައި.އާރް.އޭ އަށް ޤަބޫލުކުރެވޭ ގޮތުގައި އެއްވެސް މީހަކު ގަސްތުގައި ނުވަތަ މަކަރާއި ޙީލަތުން ވިތްހޯލްޑިންގ ޓެކްސްވެސް ހިމެނޭގޮތަށް، އެއްވެސް ޓެކްސްއެއް ދެއްކުމުން ރެކިފައިވާކަމަށް ވާނަމަ، އެފަދަ ގޮތަކަށް ޤަބޫލުކުރެވޭވަރަށް ނުވަތަ ޤަބޫލުކުރެވިދާނެވަރަށް ފުދޭވަރުގެ މަޢުލޫމާތު އެމް.އައި.އާރް.އޭ އަށް ލިބޭތާ 3 (ތިނެއް) އަހަރު ދުވަހުގެ މުއްދަތެއްގެ ތެރޭގައި، ޓެކްސް ދައްކަންޖެހޭ މިންވަރު ބަލާކަން އަންގާ އެންގުމެއް ފޮނުވިދާނެއެވެ."

25. ޓެކްސް ދެއްކުމުން ގަސްތުގައި ރެކުމުގެ ޢަމަލުތަކާއި، ޓެކްސް ދެއްކުމުން ރެކުމަށް އެހީތެރިވެދިނުމުގެ ގަސްތުގައި ކުރާ ޢަމަލުތަކަކީ ކޮބައިކަން ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 31 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވެއެވެ.

26. މި މާއްދާތަކަށް ބަލާއިރު، އޮޑިޓް ނޯޓިސް ފޮނުވިދާނެ މުއްދަތުތައް މައިގަނޑު ހަތަރު ޙާލަތަކަށް ބަހާލެވިފައިވާކަން އެނގެއެވެ.

(ހ) ފުރަތަމަ ޙާލަތަކީ، ހުށަހަޅަންޖެހޭ ތާރީޚަށް ޓެކްސް ބަޔާން ހުށަހަޅާފައިވާ ޙާލަތެވެ. މި ޙާލަތުގައި އޮޑިޓް ނޯޓިސް ފޮނުވޭނީ އެ ބަޔާން ހުށަހަޅަންޖެހޭ ދުވަހުން ފެށިގެން 12 (ބާރަ) މަސްދުވަސް ހަމަވުމުގެ ކުރިންނެވެ.

(ށ) ދެވަނަ ޙާލަތަކީ، ހުށަހަޅަންޖެހޭ ތާރީޚަށްވުރެ ފަހުން ޓެކްސް ބަޔާން ހުށަހަޅާ ޙާލަތެވެ. ނުވަތަ ޓެކްސް ބަޔާނެއް އިސްލާޙުކުރިކަމުގެ އެންގުމެއް ފޮނުވާފައިވާ ޙާލަތެވެ. މި ޙާލަތުގައި ނޯޓިސް ފޮނުވޭނީ އެ ބަޔާން ހުށަހަޅާ ތާރީޚުން ފެށިގެން ނުވަތަ، ޓެކްސް ބަޔާނެއް އިސްލާޙުކުރިކަމުގެ އެންގުން އަންގާ ތާރީޚުން ފެށިގެން 12 (ބާރަ) މަސްދުވަސް ހަމަވުމުގެ ކުރިންނެވެ.

(ނ) ތިންވަނަ ޙާލަތަކީ، ޓެކްސް ބަޔާން ހުށަހަޅާފައިނުވާ ޙާލަތެވެ. މި ޙާލަތުގައި މީރާއިން ބޭނުންވާ ކޮންމެ ވަގުތެއްގައި އޮޑިޓް ނޯޓިސް ފޮނުވިދާނެއެވެ.

(ރ) ހަތަރުވަނަ ޙާލަތަކީ، ގަސްތުގައި ޓެކުހަށް މަކަރުހަދައި ޓެކްސް ދެއްކުމަށް ރެކިފައިވާ ކަމަށް މީރާއަށް ގަބޫލުކުރެވޭ ޙާލަތެވެ. މި ޙާލަތުގައި ޓެކުހަށް މަކަރު ހެދިކަމުގެ މައުލޫމާތު މީރާއަށް ލިބޭތާ 03 (ތިނެއް) އަހަރު ދުވަހުގެ ތެރޭގައި އޮޑިޓް ނޯޓިސް ފޮނުވިދާނެއެވެ.

27. އޯޑިޓް ނޯޓިސް ފޮނުވުމަށް މީރާއިން ނިންމާ ޙާލަތުގައި ނޯޓިސް ފޮނުވަންވާނީ ކުރިން މި އިޝާރާތްކުރި މުއްދަތުތަކާ އެއްގޮތަށްކަން ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) އިން ސާފުކޮށް އެނގެއެވެ. އަދި އޮޑިޓްކުރުމަށް ފަހު ޓެކުހެއް ދެއްކުމަށް އެންގޭނީ، އޮޑިޓް ނޯޓިހެއް ފޮނުވާފައިވާ ނަމަ ކަން އެ ޤާނޫނުގެ 21 ވަނަ މާއްދާގެ (ހ) އިން އެނގެއެވެ. މި ދެ މާއްދާ އެކުއެކީގައި ކިޔުމުން ޤާނޫނީ ގޮތުން ޞައްޙަ އޮޑިޓް ނޯޓިހެއް ފޮނުވުމެއް ނެތި، އޮޑިޓެއް ކުރިއަށް ނުގެންދެވޭނެކަން އެނގެއެވެ. އަދި އެފަދަ އޮޑިޓެއްގެ މައްޗަށް ބިނާކޮށް ޓެކުހެއް ދެއްކުމަށް އަންގާ އެންގުމެއް ޞައްޙަ ނުވާނެކަން ވެސް އެނގެއެވެ.

28. ޓެކްސް ދައްކަންޖެހޭ މިންވަރު ބަލާކަން އަންގާ އެންގުން ނުވަތަ "އޮޑިޓް ނޯޓިސް" ފޮނުވުމާގުޅޭ ޤާނޫނުގެ 20 ވަނަ މާއްދާ މި މައްސަލައަށް ތަޠުބީޤު ކުރާއިރު، މައިނަރ އިންޓަރނޭޝަނަލްގެ ފަރާތުން ޓެކްސް އަހަރު 2014 ގެ ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ސުންގަޑިއަކީ 20 ޖޫން 2015 އެވެ. ނަމަވެސް އެ ކުންފުނިން އެ ބަޔާން ހުށަހަޅާފައިވަނީ 15 ނޮވެމްބަރ 2015 ގައެވެ. ވުމާއެކު، މި ޙާލަތަށް ތަޠުބީޤުވާނީ ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 20 ވަނަ މާއްދާގެ (ނ) އެވެ. އެ އަކުރުގައި ބަޔާންކުރާ ފަދައިން ޓެކްސް ބަޔާން ހުށަހެޅި ތާރީޚުން ފެށިގެން 12 (ބާރަ) މަސްދުވަސް ހަމަވާނީ 14 ނޮވެމްބަރު 2016 އަށެވެ. ނަމަވެސް، މީރާއިން އޮޑިޓް ނޯޓިސް ފޮނުވާފައިވަނީ 05 މާރޗް 2017 ގައެވެ. ވުމާއެކު، މި މައްސަލައިގައި މީރާއިން ފޮނުވާފައިވާ ނޯޓިހަކީ ޤާނޫނުގައި ބުނާ މުއްދަތުގައި ފޮނުވިފައިވާ ނޯޓިހެއް ނޫނެވެ. އަދި މި ނޯޓިހަކީ ޤާނޫނުގެ 20 ވަނަ މާއްދާގެ (ކ) ގެ ދަށުން ފޮނުވާފައިވާ ނޯޓިހެއް ކަން ނުވަތަ ނޫންކަމާމެދު އަހުރެން ދެކޭ ގޮތް ތަފުސީލުކޮށް އެބަ ބަޔާންކުރަމެވެ.

އޮޑިޓް ނޯޓިހުގައި ޤާނޫނު ތަފުސީލު ކުރުން

29. އިސްތިއުނާފީ މި ނުކުތާ ތަފުސީލު ކުރަމުން، މައިނަރ އިންޓަރނޭޝަނަލްގެ ފަރާތުން ފާހަގަކުރާ އެއްކަމަކީ، އޮޑިޓް ނޯޓިހުގައި އެ ނޯޓިސް ފޮނުވާފައިވަނީ ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 20 ވަނަ މާއްދާއިން ކަމުގައި ބުނުމުން ނުފުދޭ ކަމުގައެވެ. އެހެނީ އެފަދަ ކޮންމެ ނޯޓިހަކީ އެއާ ގުޅިގެން ޙައްޤުތަކެއް ލިބިދޭ ނޯޓިހަކަށް ވުމުގެ އިތުރުން އެ ނޯޓިހާ ގުޅިގެން ނޯޓިސް ރައްދުވާ ފަރާތުގެ ޒިންމާތަކަކީ ކޮބައިކަން، އަދި ތުހުމަތަކާ ގުޅިގެން ފޮނުވޭ ނޯޓިހެއް ނަމަ، އެ ތުހުމަތަކީ ކޮބައިކަން ފަދަ ކަންކަން އެނގުމަކީ އެ ފަރާތުގެ ޙައްޤެއް ކަމުގައެވެ. އަދި މިއީ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އަދި އިތުރު ފަރާތެއް [2022] SC 1520 މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅާފައިވާ ކަމެއްކަން ވެސް މައިނަރ އިންޓަރނޭޝަނަލްގެ ފަރާތުން ފާހަގަކުރެއެވެ. އަދި އޮޑިޓް ނޯޓިހުގައި ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 20 ވަނަ މާއްދާގެ (ކ) އަށް ޙަވާލާދީފައި ނެތް ނެތުމަކީ ހަމައެކަނި އެ ސަބަބުގެ މައްޗަށް ބަލައި އެ ނޯޓިހަކީ ޞައްޙަ ނޫން ނޯޓިހެއްކަމަށް ކަނޑައެޅިދާނެ ހަމައެއް ނެތްކަމުގައި21 ހައިކޯޓުން ނިންމި ނިންމުމަކީ ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގެ (ށ) އާއި (ނ) އާ ޚިލާފަށް އެ ކޯޓުން ނިންމާފައިވާ ނިންމުމެއް ކަމުގައި ވެސް މައިނަރ އިންޓަރނޭޝަނަލްގެ ފަރާތުން ފާހަގަ ކުރެއެވެ.22

30. މި ނުކުތާގެ ރައްދުގައި މީރާއިން ފާހަގަކޮށްފައިވަނީ، ޤާނޫނެއްގެ ވަކި މާއްދާއަކަށް ޙަވާލާ ދިނުމަކީ ޤާނޫނީ ގޮތުން ލާޒިމުކަމަކަށް ނުވާއިރު، އެފަދައިން ޙަވާލާ ނުދިނުމުގެ ސަބަބުން މީރާއިން ޢަމަލު ކުރި އިޖުރާއަތަކީ ޣައިރު ޤާނޫނީ އިޖުރާއަތަކަށްވާނެ ކަމުގައި ނުދެކޭކަމަށެވެ.

31. ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އަދި އިތުރު ފަރާތެއް [2022] SC 1523 މައްސަލައަށް ބަލާއިރު، އެ މައްސަލައިގައި ފޮނުވާފައިވާ އޮޑިޓް ނޯޓިސްތަކުގައި، ނޯޓިސްތައް ނެރެފައިވަނީ ކޮން ޤާނޫނެއްގެ ކޮން މާއްދާއެއްގެ ދަށުންކަން އެނގެން އޮތުމުން، އޮޑިޓް ތަކުގެ ސްކޯޕްއަކީ ކޮބައިކަން އެނގޭނެކަން ބަޔާން ކުރުމަށް ފަހު، "މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ފަރާތުން ނެރޭ އޮޑިޓް ނޯޓިސްތައް ނެރެންވާނީ ކޮން ޤާނޫނެއްގެ ކޮން މާއްދާއެއްގެ ކޮން އަކުރެއްގެ ދަށުންކަން އެނގޭނެ ގޮތަކަށް"24 ކަމުގައި ބަޔާން ކޮށްފައި ވެއެވެ.

32. ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 20 ވަނަ މާއްދާއަށް ބަލާއިރު، އެ މާއްދާގެ ކޮންމެ އަކުރަކީ، ވަކި ޚާއްޞަ ޙާލަތެއް މެދުވެރި ވުމުން އެ ޙާލަތުގައި އޮޑިޓް ނޯޓިސް ނެރެވޭނެ މުއްދަތު ބަޔާންކޮށް ލިޔެވިފައިވާ އަކުރެއްކަން އެނގެއެވެ. އަދި މިފަދަ ނޯޓިހަކާ ގުޅިގެން އެ ނޯޓިސް ރައްދުވާ ފަރާތަށް ލިބިދެނީ ކޮން ޙައްޤުތަކެއްކަން ނުވަތަ އެ ނޯޓިހާ ގުޅިގެން އެ ފަރާތުގެ ޒިންމާތަކަކީ ކޮބައިކަމާއި، އެ ފަރާތުގެ މައްޗަށް ތުހުމަތެއް ކުރެވޭ ނަމަ، އެ ތުހުމަތުގެ ބާވަތާއި، އެ ފަރާތަކަށް ޤާނޫނުން ލިބިދޭ ރައްކާތެރިކަން އެނގޭނީ، އެ ނޯޓިހުގައި، އެއީ ޤާނޫނުގެ ކޮން މާއްދާއެއްގެ ކޮން އަކުރެއްގެ ދަށުން ނެރޭ ނޯޓިހެއްކަން ބަޔާންވެފައި އޮވެގެންކަމުގައި ދެކެމެވެ. ކަންމިހެން އޮތުމުން، ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އަދި އިތުރު ފަރާތެއް [2022] SC 1525 މައްސަލައިގައި ކަނޑައަޅާފައިވާ އުސޫލުން އޮޑިޓް ނޯޓިސްތައް ނެރެންވާނީ ކޮން ޤާނޫނެއްގެ ކޮން މާއްދާއެއްގެ ކޮން އަކުރެއްގެ ދަށުންކަމުގައި ކަނޑައަޅާފައި އޮތް އޮތުމަށް އަހުރެން ވެސް ތާއީދު ކުރަމެވެ. އަދި އެ އުސޫލު މި މައްސަލައަށް ތަޠުބީޤު ކުރާއިރު، މި މައްސަލައިގައި މީރާއިން ނެރެފައިވާ އޮޑިޓް ނޯޓިހަކީ ޤާނޫނީ އުސޫލުތަކާ އެއްގޮތަށް ނެރެފައިވާ ނޯޓިހެއް ކަމުގައި އަހުރެން ނުދެކެމެވެ.

ޤާނޫނުއަސާސީގެ 43 ވަނަ މާއްދާ

33. މީގެ އިތުރުން ޤާނޫނުގައި އެހެން ގޮތަކަށް ބަޔާންވެފައި ނުވާނަމަ، ދައުލަތުގެ އިދާރާއަކުން ނުވަތަ ޤާނޫނު ތަންފީޒު ކުރާ އެއްވެސް ފަރާތަކުން، ޤާނޫނު ތަންފީޒު ކުރުމަށްޓަކައި އަޅާ ކޮންމެ ފިޔަވަޅަކީ، ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގެ ބޭނުމަށްޓަކައި، އިދާރީ ފިޔަވަޅެކެވެ. އަދި ޤާނޫނުއަސާސީގެ މި މާއްދާ ލާޒިމު ކުރަނީ ފިޔަވަޅު އެޅުމުގައި ޤާނޫނާ އެއްގޮތަށް ފިޔަވަޅު އެޅުމަށެވެ. ޢަދުލު އިންޞާފުގެ ހަމަތަކާ އެއްގޮތަށް ފިޔަވަޅު އެޅުމަށެވެ. އެކަށީގެންވާ އަވަސްމިނެއްގައި އެ ފިޔަވަޅެއް އެޅިގެން ދިއުމެވެ. އަދި އިދާރީ ފިޔަވަޅު އެޅުމުގެ ސަބަބުން މީހެއްގެ ޙައްޤަކަށް އުނިކަމެއް ލިބިއްޖެނަމަ، އެ ކަމެއް ކޯޓަށް ހުށަހެޅުމުގެ ޙައްޤު އެ މީހަކަށް މި މާއްދާއިން ލިބިދީފައިވެއެވެ.

34. މި މައްސަލައަށް މި އުޞޫލުތައް ތަޠުބީޤު ކުރާއިރު، މީރާއިން އޮޑިޓް ކުރުމަށްޓަކައި ފޮނުވާ ނޯޓިހަކީ، އެ އިދާރާއިން އަޅާ އިދާރީ ފިޔަވަޅެކެވެ. ޤާނޫނާ އެއްގޮތަށް އެޅޭ އިދާރީ ފިޔަވަޅަކަށްވުމަށްޓަކައި، މީރާއިން ނޯޓިސް ފޮނުވާއިރު، އެއީ ޤާނޫނުގެ ކޮން މާއްދާއަކުން، ކޮންކަމަކާ ގުޅިގެން ފޮނުވޭ އޮޑިޓް ނޯޓިހެއްކަން ސާފުކޮށް އެނގެން އޮންނަންވާނެއެވެ. އެ ނޫންކަމުގައި ވާނަމަ، އެ ނޯޓިހުގެ މައްޗަށް އުފަންވާ، ނޯޓިސް ރައްދުވާ ފަރާތުގެ ޒިންމާތައް ސާފުވެގެން ނުދާނެއެވެ. އަދި އެ ނޯޓިހުގެ ސަބަބުން ނޯޓިސް ރައްދުވާ ފަރާތުގެ ޙައްޤަކަށް އުނިކަމެއް ލިބިއްޖެކަމަށް ފެނިގެން ޙައްލު ހޯދުމަށްޓަކައި ކޯޓުގައި ދަޢުވާކުރުމަށް ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމުގައި ދެކެމެވެ.

35. ކަން މިހެން އޮތުމުން މީރާއިން ފޮނުވާފައިވާ އޮޑިޓް ނޯޓިހުގައި، ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 20 ވަނަ މާއްދާގެ (ކ) އަށް ޙަވާލާދީފައި ނެތް ނެތުމަކީ، ހަމައެކަނި އެކަމުގެ މައްޗަށް ބަލައި، އެ ނޯޓިހަކީ ޞައްޙަ ނޫން ނޯޓިހެއް ކަމަށް ކަނޑައެޅެން ނެތް ކަމުގައި ހައިކޯޓުން ނިންމާފައިވަނީ ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގައި ބަޔާންވެފައިވާ އުޞޫލުތަކާ އެއްގޮތަށް ކަމުގައި އަހުރެން ނުދެކެމެވެ.

ތުހުމަތަކާ ގުޅިގެން އޮޑިޓް ކުރުން

36. ގަސްތުގައި ނުވަތަ މަކަރާއި ހީލަތުން ޓެކްސް ދެއްކުމުން ރެކިފައިވާކަމަށްވާ ނަމަ، މީރާއަށް ގަބޫލުކުރެވޭ ޙާލަތުގައި އޮޑިޓް ނޯޓިސް ފޮނުވުމާ ގުޅޭ އުޞޫލުތައް ބަޔާންވެފައިވަނީ ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ކ) ގައެވެ. އިސްތިއުނާފީ ފުރަތަމަ ނުކުތާ އާއި ދެވަނަ ނުކުތާ އާއި، ތިންވަނަ ނުކުތާގައި މައިނަރ އިންޓަރނޭޝަނަލްގެ ފަރާތުން ވާހަކަ ދައްކާފައިވަނީ ޤާނޫނުގެ މި މާއްދާގެ (ކ) އާ ބެހޭ ގޮތުންނެވެ.

37. ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ކ) ތަޠުބީޤު ކޮށްފައިވާ ގޮތަށް ބަލާއިރު، އެ އަކުރުގައިވާ ޢިބާރާތް ބަޔާންކުރުމަށް ފަހު، ހައިކޯޓުން ފާހަގަ ކޮށްފައިވަނީ، މި މައްސަލައިގައި މީރާއިން ކުންފުނީގެ ހިސާބުތައް ފުރަތަމަ އޮޑިޓް ކުރަން ފަށާފައިވަނީ 2015 ވަނަ އަހަރު ކަމުގައެވެ. އަދި އެ އޮޑިޓްގެ ތެރެއިން ފާހަގަ ކުރެވުނު ކަންކަމުގެ މައްޗަށް ބަލައި، އެ ކުންފުނީގެ 2014 ވަނަ އަހަރުގެ މާލީ ހިސާބުތައް އޮޑިޓް ކުރުމަށް ނިންމާ ނޯޓިސް ފޮނުވާފައިވަނީ ކަމުގައެވެ. އެހެންކަމުން ޤާނޫނުގެ 20 ވަނަ މާއްދާގެ (ކ) ގައި ބަޔާންކުރާ އެކަށީގެންވާ ސަބަބުގެ ޢުންޞުރު ފުރިހަމަވީ ކަމުގައްޔާއި، އެ ސަބަބުގެ މައްޗަށް ބަލައި މައިނަރ އިންޓަރނޭޝަނަލްއިން ޓެކްސް ދެއްކުމުން ރެކިފައިވާކަމަށް މީރާއަށް ޤަބޫލު ކުރެވުމުގެ ޢުންޞުރު ފުރިހަމަވީ ކަމުގައެވެ. އަދި އެ ކަންކަން ފުރިހަމަ ވުމަށްޓަކައި ޖިނާއީ ތަޙްޤީޤެއް ފަށާފައިވޭތޯ ބެލުން ޤާނޫނު ލާޒިމުކޮށްފައި ނުވާ ކަމުގައެވެ.26

38. ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ކ) އަށް ބަލާއިރު، އެ އަކުރުގައި ބަޔާންވެފައިވަނީ އަންނަނިވި ޢިބާރާތެވެ.

"އެކަށީގެންވާ ސަބަބުތަކެއް ހުރެގެން އެމް.އައި.އާރް.އޭ އަށް ޤަބޫލުކުރެވޭ ގޮތުގައި އެއްވެސް މީހަކު ގަސްތުގައި ނުވަތަ މަކަރާއި ޙީލަތުން ވިތްހޯލްޑިންގ ޓެކްސްވެސް ހިމެނޭގޮތަށް، އެއްވެސް ޓެކްސްއެއް ދެއްކުމުން ރެކިފައިވާކަމަށް ވާނަމަ، އެފަދަ ގޮތަކަށް ޤަބޫލުކުރެވޭވަރަށް ނުވަތަ ޤަބޫލުކުރެވިދާނެވަރަށް ފުދޭވަރުގެ މަޢުލޫމާތު އެމް.އައި.އާރް.އޭ އަށް ލިބޭތާ 3 (ތިނެއް) އަހަރު ދުވަހުގެ މުއްދަތެއްގެ ތެރޭގައި، ޓެކްސް ދައްކަންޖެހޭ މިންވަރު ބަލާކަން އަންގާ އެންގުމެއް ފޮނުވިދާނެއެވެ."

39. މި އަކުރު ކިޔާއިރު، މި އަކުރުގެ ދަށުން ނޯޓިހެއް ފޮނުވުމުގައި ތިން ކަމެއް ފުރިހަމަވާން ޖެހޭނެ ކަމުގައި ދެކެމެވެ.

(ހ) ފުރަތަމަ ކަމަކީ، ގަސްތުގައި ނުވަތަ މަކަރާއި ހީލަތުން ޓެކުހެއް ދެއްކުމަށް ރެކިފައިވާކަމަށް މީރާއަށް ޤަބޫލުކުރެވޭ ޙާލަތެއް އޮތުމެވެ.

(ށ) ދެވަނަ ކަމަކީ، އެ ފަދަ ޙާލަތެއް އޮތްކަން މީރާއިން ނިންމަންވާނީ އަސާސެއްގެ މައްޗަށެވެ. އެ އިދާރާއަށް ލިބިފައިވާ މައުލޫމާތެއްގެ މައްޗަށް ބިނާކޮށެވެ.

(ނ) ތިންވަނަ ކަމަކީ، އެ ފަދަ ޙާލަތެއްގައި އޮޑިޓް ނޯޓިސް ފޮނުވުމުގައި، ޤާނޫނުގައި ބުނާ މުއްދަތުގައި ފޮނުވާފައިވާ ނޯޓިހެއްކަން އެ ނޯޓިހުން އެނގެން އޮތުމެވެ. މި މުއްދަތު ބަޔާން ކުރާނީ މި މާއްދާގެ (ކ) ގައިވާ ގޮތަށް މީރާއަށް މައުލޫމާތެއް ލިބޭތާ 03 (ތިނެއް) އަހަރު ދުވަހުގެ ތެރޭގައި ކަން، ނުވަތަ މައިނަރ އިންޓަރނޭޝަނަލްއިން ބުނާ ގޮތަށް ޓެކްސް ބަޔާން ހުށަހެޅި ތާރީޚުން ފެށިގެން 03 (ތިނެއް) އަހަރު ދުވަހުގެ ތެރޭގައިކަމާމެދު އަހުރެން ދެންއޮތް އިސްތިއުނާފީ ނުކުތާގައި ގޮތެއް ކަނޑައަޅާނަމެވެ.

40. ގަސްތުގައި އެނގިހުރެ ޓެކްސް ދެއްކުމުން ރެކުމާއި ޓެކްސް ދެއްކުމުން ރެކުމަށް އެހެން މީހަކަށް އެހީތެރިވެ ދިނުމަކީ، ޖިނާއީ ކުށެއްކަން ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމާބެހޭ ޤާނޫނުގެ 31 ވަނަ މާއްދާއަށް ބެލުމުން އެނގެއެވެ. އަދި އެ މާއްދާގެ (ހ) ގައި ކުށުގެ ޢަމަލުތަކުގެ ތަފުސީލުތައް ބަޔާންކޮށް، އެ މާއްދާގެ (ށ) އިން ފެށިގެން (ރ) އާ ހަމައަށް ގައި އެ ކުށްކުށުގެ އަދަބާއި، ކުށާ ގުޅޭ އުސޫލުތައް ބަޔާން ކޮށްފައިވެއެވެ.

41. މި ކަންކަން މި މައްސަލައިގައި ފުރިހަމަވޭތޯ ބަލާއިރު، ކުރިން ވެސް އިޝާރާތް ކުރި ފަދައިން މީރާގެ ފަރާތުން ފޮނުވާފައިވާ ނޯޓިހުގައި ޙަވާލާދީފައިވަނީ ހަމައެކަނި ޤާނޫނުގެ 20 ވަނަ މާއްދާއަށެވެ. އަދި މި ނޯޓިހަކީ ޤާނޫނާ އެއްގޮތަށް ފޮނުވާފައިވާ ނޯޓިހެއްކަމުގައި ހައިކޯޓުން ނިންމިއިރު، ހަމަ އެކަނި ހައިކޯޓުން ނިންމާފައިވަނީ 2015 ވަނަ އަހަރުގެ އޮޑިޓްގެ ތެރެއިން ފާހަގަކުރެވުނު ކަންކަމުގެ މައްޗަށް ބަލައި 2014 ވަނަ އަހަރުގެ އޮޑިޓެއް ކުރުމަށް ނިންމާފައިވާކަމެވެ. އަދި ހައިކޯޓުގެ ނިންމުމުގައި ގަސްތުގައި ނުވަތަ މަކަރާއި ހީލަތުން ޓެކުހެއް ދެއްކުމަށް ރެކިފައިވާކަމަށް މީރާއަށް ޤަބޫލުކުރެވޭ ޙާލަތެއް އޮތްކަން، އަދި އެ ޙާލަތު އޮތްކަމަށް ނިންމާފައިވަނީ ކޮން މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ކަން އެ ކޯޓުން ވަޒަން ކުރިކަން އެނގެން ނެތެވެ. މިކަންކަން ވަޒަން ކުރުމެއްނެތި، މީރާއިން ފޮނުވާފައިވާ އޮޑިޓް ނޯޓިހަކީ ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ކ) އާ އެއްގޮތަށް ނެރެފައިވާ ނޯޓިހެއްކަން ކަނޑައެޅޭނެ ކަމުގައި އަހުރެން ނުދެކެމެވެ. އަދި މި ސަބަބަށްޓަކައި، މި ނުކުތާގައި ވާހަކަ ދެކެވޭ އޮޑިޓް ނޯޓިހަކީ ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ކ) ގައިވާ ޢުންޞުރުތައް ފުރިހަމަވެފައިވާ ނޯޓިހެއް ކަމުގައި ހައިކޯޓުން ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ކަމުގައި އަހުރެން ނުދެކެމެވެ.

އޮޑިޓް ނޯޓިސް ފޮނުވޭނެ މުއްދަތާމެދު

42. އިސްތިއުނާފީ ދެވަނަ ނުކުތާގައި މައިނަރ އިންޓަރނޭޝަނަލްއިން ފާހަގަކޮށްފައިވަނީ ޖިނާއީ ތުހުމަތަކާ ގުޅިގެން އޮޑިޓް ކުރުމަށްޓަކައި ނޯޓިސް ފޮނުވާއިރު، ނޯޓިހުގެ މުއްދަތު ގުނަން ފަށަން ޖެހޭނީ، ޓެކްސް ބަޔާން ހުށަހެޅި ތާރީޚުން ފެށިގެން 03 (ތިނެއް) އަހަރު ދުވަހުގެ ތެރޭގައި ކަމުގައެވެ. އަދި ނޯޓިހުގެ މުއްދަތު ގުނަން ފަށާނީ ޓެކުހަށް މަކަރު ހެދިކަމުގެ މައުލޫމާތު މީރާއަށް ލިބޭތާ 03 (ތިނެއް) އަހަރު ދުވަހުގެ ތެރޭގައި ކަމަށް މާނަކުރާ ނަމަ، އެއީ ދެކޮޅު ނުޖެހޭ މާނަ ކުރުމެއް ކަމުގައެވެ. އަދި ހައިކޯޓުން އިޚްތިޔާރު ކޮށްފައިވަނީ މި ދެކޮޅު ނުޖެހޭ މާނަކުރުން ކަމުގައެވެ. ވުމާއެކު ހައިކޯޓުގެ ނިންމުން މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 05 ވަނަ މާއްދާ އާއި 17 ވަނަ މާއްދާއާ ޚިލާފުކަމުގައެވެ.

43. މި އިސްތިއުނާފީ ނުކުތާތަކުގައި ތުހުމަތަކާ ގުޅިގެން އޮޑިޓެއް ކުރުމަށްޓަކައި ނޯޓިސް ފޮނުވަންޖެހޭނީ ޓެކްސް ބަޔާން ހުށަހަޅާ ތާރީޚުން ފެށިގެން 03 (ތިނެއް) އަހަރު ދުވަހުގެ ތެރޭގައި ކަމަށް މައިނަރ އިންޓަރނޭޝަނަލްގެ ފަރާތުން ބުނާ ބުނުމަށް ބާރު ލިބޭކަމަށް އެ ކުންފުނީގެ ފަރާތުން ފާހަގަ ކުރަނީ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް ގެނެވުނު 02 ވަނަ އިސްލާހުގައި އެ ޤާނޫނުގެ 30 ވަނަ މާއްދާގެ (ނ) އަށް ގެނެސްފައިވާ އިސްލާހުގައި ޓެކުހަށް މަކަރު ހެދުމުގެ ކުށަކަށް ޝައްކު ކުރެވޭ ނަމަ، ޓެކްސް ބަޔާން ހުށަހަޅާ ތާރީޚުން ފެށިގެން 03 (ތިނެއް) އަހަރު ދުވަހުގެ ތެރޭގައި ނޯޓިސް ފޮނުވިދާނެ ކަމުގައި އޮންނަ އޮތުމަށެވެ. މި އިސްލާހު ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް ގެނެސްފައިވަނީ 2019 ސެޕްޓެމްބަރ 12 ގައެވެ. އަދި މިއީ މި އިސްލާހަށް އަމަލުކުރަން ފެށި ދުވަސް ވެސް މެއެވެ.

44. މި އިސްތިއުނާފީ ނުކުތާއަށް ބާރު ލިބޭކަމުގައި މައިނަރ އިންޓަރނޭޝަނަލްގެ ފަރާތުން ފާހަގަ ކުރާ ދެވަނަ ކަމަކީ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 27 ވަނަ މާއްދާގެ (ނ) ގެ ދަށުން ޓެކްސް ދައްކާ ފަރާތްތަކުން ރެކޯޑު ބަލަހައްޓަން ޤާނޫނު ލާޒިމު ކުރަނީ 05 (ފަހެއް) އަހަރު ދުވަހުގެ މުއްދަތުގައި ކަމުގައި ބަޔާންކޮށްފައިވާއިރު، ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ކ) ގައިވާ ފަދައިން މީރާއަށް ޓެކުހަށް މަކަރު ހަދާކަމުގެ މައުލޫމާތު ލިބޭތާ 03 (ތިނެއް) އަހަރު ދުވަހުގެ ތެރޭގައި އޮޑިޓް ނޯޓިސް ފޮނުވާނަމަ، ޓެކްސް ދައްކާ ފަރާތްތަކުގެ އަތުގައި ލިޔެކިޔުންތައް ނެތުމުގެ ސަބަބުން އޮޑިޓް ކުރުމަށް ހުރަސް އެޅޭނެ ކަމުގައެވެ. ވުމާއެކު، ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ކ) އެ އަކުރުގައި އޮތް ގޮތަށް މާނަކުރާނަމަ، ނުކުންނާނީ ދެކޮޅު ނުޖެހޭ ނަތީޖާއެއް ކަމުގައި މައިނަރ އިންޓަރނޭޝަނަލްގެ ފަރާތުން ބުނެފައިވެއެވެ.

45. މި ނުކުތާގައި ހައިކޯޓުގެ ނިންމުމަށް ބަލާއިރު، އޮޑިޓް ނޯޓިސް ފޮނުވުމުގައި ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ޢުންޞުރުތައް ފުރިހަމަވާކަމަށް ނިންމުމަށް ފަހު، ހައިކޯޓުން ނިންމާފައިވަނީ، ޓްރައިބިއުނަލުން މި މައްސަލަ ނިންމާފައިވަނީ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 05 ވަނަ މާއްދާ އާއި، އެ ޤާނޫނުގެ 17 ވަނަ މާއްދާއާ ޚިލާފަށް ކަމަށް ކަނޑައެޅިދާނެ ހަމައެއް އޮތްކަމަށް ނުފެންނަ ކަމުގައެވެ.

46. މާނަ ކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 05 ވަނަ މާއްދާގައި ބަޔާންވެފައިވަނީ ޤާނޫނު މާނަ ކުރުމުގައި ޚާއްޞަ މާނަ ދިނުމުގެ އުސޫލެވެ. މި އުސޫލުގެ ބޭނުމަކީ، "ޤާނޫނު އެކުލަވާލުމުގައި ބޭނުންކޮށްފައިވާ ބަހަކުން، ނުވަތަ ޢިބާރާތަކުން، ނުވަތަ ޖުމްލައަކުން، އެއް މާނައަށްވުރެ ގިނަ މާނަ ދޭހަވާހިނދުގައި، އެ ބަހަކުން، ނުވަތަ ޢިބާރާތަކުން، ނުވަތަ ޖުމްލައަކުން ޢާންމުކޮށް ދޭހަވާ މާނައާއެއްގޮތަށް ޢަމަލުކޮށްފިކަމަށްވާނަމަ، އޭގެޒާތުގައި ދެކޮޅުނުޖެހޭ ނަތީޖާއެއް ނުކުތުމަކީ ގާތްކަމެއްކަމަށް ފެންނަހިނދުގައި، ނުވަތަ އޭގެ ޢާންމު މާނައާ އެއްގޮތަށް ޢަމަލުކޮށްފިކަމަށްވާނަމަ، މުޅި ޤާނޫނުގައި އެކުލެވިގެންވާ މަފްހޫމާ ދެކޮޅަށް ކަމެއް ނިންމަންޖެހިދާނެކަމަށް ފެންނަހިނދުގައި، އެ ދެކޮޅުނުޖެހޭ ނަތީޖާ ނުކުތުމުގެ ފުރުޞަތު ނެތިކޮށްލުމަށްޓަކައި ނުވަތަ އެ ޤާނޫނުގެ މަފްހޫމާ ތަޢާރުޒުވުމުގެ އުސޫލު ނެތިކޮށްލުމަށްޓަކައި އެ ބަހަކުން، ނުވަތަ ޢިބާރާތަކުން، ނުވަތަ ޖުމްލައަކުން ޢާންމުކޮށް ދޭހަވާ މާނައަށްވުރެ ޚާއްޞަ މާނައެއްގެ ބޭނުންކޮށް، އެ ޚާއްޞަ މާނައިގެ ބޭނުންހިފުމެވެ."

47. މާނަ ކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 17 ވަނަ މާއްދާއަށް ބަލާއިރު، އެ މާއްދާގައި ބަޔާންވެފައިވަނީ، "ޤާނޫނެއް މާނަކުރުމުގައި، އެ ޤާނޫނެއް އެކުލަވާލި މަޤްޞަދަށް، ނުވަތަ އެ ޤާނޫނުން ހާސިލުކުރަން ބޭނުންވާ އަމާޒުތައް ހާސިލުވާނެގޮތަށް ޤާނޫނު މާނަކުރުމަށް އިސްކަންދޭންވާނެ" ކަމުގައްޔާއި، "ޤާނޫނުގެ މަޤްޞަދުތައް ހާސިލުނުވާނެގޮތަކަށް އެ ޤާނޫނު މާނަކުރެވިގެން ނުވާނެ" ކަމުގައެވެ.

48. ރައްޔިތުންގެ މަޖިލިހުން ފާސްކުރާ ކޮންމެ ޤާނޫނަކީ ޞައްޙަ ޤާނޫނެކެވެ. އެ ޤާނޫނުގެ ޞައްޙަކަން އެއްވެސް ފަރާތަކުން ސާބިތުކޮށް ދޭން ނުޖެހޭނެއެވެ.27 ހަމަ އެއާއެކު، ކޮންމެ ޤާނޫނަކީ ވެސް، އެ ޤާނޫނު އެކުލަވާލުމުގެ ކުރީގައި ހިނގައިދިޔަކަމެއް ރަނގަޅުކުރުމަށްޓަކައި، ނުވަތަ އެ ޒަމާނުގައި ދިމާވި އުނިކަމެއް، ނުވަތަ ހުސްކަމެއް ފޫބެއްދުމަށްޓަކައި، ތަޢާރުފުކޮށްފައިވާ ޤާނޫނެއްކަމުގައި ބަލަން ޖެހެއެވެ.28

49. މި ނުކުތާގައި ވާހަކަ ދެކެވޭ މައްސަލައިގައި ނޯޓިސް އޮފް ޓެކްސް އެސެސްމަންޓް ނުވަތަ އޮޑިޓް ނޯޓިސް ފޮނުވާފައިވަނީ 08 ޖޫން 2017 ގައެވެ.29 މި ތާރީޚުގައި މީރާއިން އޮޑިޓް ނޯޓިސް ފޮނުވާފައިވަނީ، ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 20 ވަނަ މާއްދާއަށް ޙަވާލާދީއެވެ. އަދި މި ނޯޓިހަކީ އެ މާއްދާގެ (ކ) ގެ ދަށުން ފޮނުވި ނޯޓިހެއް ކަމުގައި ބުނެވުނު ނޯޓިހުގައި ބަޔާންކޮށްފައިނުވި ނަމަވެސް، އެ ނޯޓިސް ފޮނުވާފައިވަނީ، އެ އަކުރުގެ ދަށުންކަމުގައި އެ އިދާރާއިން ޓްރައިބިއުނަލްގައި ވާހަކަ ދައްކާފައިވެއެވެ. އަދި ޓްރައިބިއުނަލަށް މި މައްސަލަ ހުށަހަޅާފައިވަނީ 14 ޖެނުއަރީ 2019 ގައެވެ. މި ތާރީޚުތައް މި ގޮތަށް ހުރިއިރު، ޚާއްޞަ މާނައެއް ދޭންޖެހޭނެ ކަމުގައި ފާހަގަކޮށް، މައިނަރ އިންޓަރނޭޝަނަލްގެ ފަރާތުން ޙަވާލާދޭ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް ގެނެވުނު ދެވަނަ އިޞްލާޙަށް ޢަމަލުކުރަން ފަށާފައިވަނީ 12 ސެޕްޓެމްބަރ 2019 ގައެވެ. ކަންމިހެން އޮތްއިރު، ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 20 ވަނަ މާއްދާގެ (ކ) ގައިވާ ޓެކްސް ދެއްކުމުން ރެކިފައިވާ ކަމަށް ގަބޫލު ކުރެވޭ މައުލޫމާތު މީރާއަށް ލިބޭތާ 03 (ތިނެއް) އަހަރު ދުވަހުގެ މުއްދަތަށް ޚާއްޞަ މާނައެއް ދީ، އެ މުއްދަތަކީ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް ގެނެވުނު ދެވަނަ އިޞްލާޙުގައިވާ ގޮތަށް، ޓެކްސް ބަޔާން ހުށަހަޅާ ތާރީޚުން ފެށިގެން 03 (ތިނެއް) އަހަރު ދުވަހުގެ މުއްދަތު ކަމުގައި ޓްރައިބިއުނަލުން މާނަކުރަންޖެހޭނެ ކަމުގައި އަހުރެންނަށް ބުރަ ނުވެވެއެވެ. އަދި ޓްރައިބިއުނަލްގެ އެ ނިންމުން ރަނގަޅުކަމުގައި ހައިކޯޓުން ނިންމި ނިންމުމަށް އަހުރެންނަށް ތާއީދު ކުރެވެއެވެ.

50. މި ގޮތަށް އަހުރެންނަށް ބުރަވެވޭ އެހެން ސަބަބުތަކަށް ބަލާއިރު، މީރާއިން ފާހަގަ ކޮށްފައިވާ ފަދައިން ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 20 ވަނަ މާއްދާއަކީ، އެ މާއްދާގެ ޞައްޙަކަން އިތުރަށް ސާބިތު ކޮށްދޭން ނުޖެހޭ މާއްދާއެކެވެ. އަދި އެ މާއްދާގެ އެކި އަކުރުތަކުގައި އޮޑިޓް ނޯޓިސް ފޮނުވުމަށް އެކި މުއްދަތު ހިމެނުމަށްފަހު އެ މާއްދާގެ (ކ) ގައި ނޯޓިސް ފޮނުވަންޖެހޭ ވަކި މުއްދަތެއް ރައްޔިތުންގެ މަޖިލީހުން ހިމެނުމުން އެ މުއްދަތަކީ، އެ މަޖިލީހުން އެކަމަށް އެކަށައެޅި އުޞޫލު ކަމުގައި ބަލަންޖެހެއެވެ.

51. މީގެ އިތުރުން، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން ޓެކްސް ދައްކާ ފަރާތްތަކުން ލިޔެކިޔުންތައް 05 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށް ބެލެހެއްޓުން ލާޒިމުވާއިރު، އެ މުއްދަތު ފަހަނައަޅައިދާ ފަހުން އޮޑިޓް ނޯޓިހެއް ފޮނުވައިފިނަމަ، އެ ނޯޓިހުގެ މަޤުޞަދު ޙާޞިލުނުވެދާނެ ކަމުގައި މައިނަރ އިންޓަރނޭޝަނަލްގެ ފަރާތުން ބުނާ ބުނުމަށް ބަލާއިރު، އެއީ ނުކުމެދާނެ ނަތީޖާއެއް ކަމުގައި ވެސް ވެދާނެއެވެ. ނަމަވެސް، ރައްޔިތުންގެ މަޖިލިހުން ޓެކްސްގެ ނިޒާމު ރާވައި އިންތިޒާމު ކުރުމުގައި ޤާނޫނުގައި އެކަށައަޅާފައިވާ މުއްދަތުތައް އެ ގޮތުގައި ދަމަހައްޓަންޖެހެއެވެ. އަދި އެއީ އެހެން ގޮތަކަށް ޤާނޫނުން ދޭހަ ނުވާނަމަ، ވަކި ނިޔަތެއްގައި ވަކި މަޤުޞަދެއް ޙާޞިލު ކުރުމަށް އެކަށައެޅިފައިވާ މުއްދަތުތަކެއް ކަމުގައި ވެސް ބަލަންޖެހެއެވެ. މިކަމަށް ބާރު ލިބޭ އެއް މިސާލަކީ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން ޓެކްސް ދައްކާ ފަރާތްތަކުން ލިޔެކިޔުންތައް 05 (ފަހެއް) އަހަރު ދުވަހަށް ބެލެހެއްޓުން ލާޒިމުކޮށްފައިވަނީ، އެ ޤާނޫނަށް ގެނެވުނު ފުރަތަމަ އިޞްލާޙުން 29 ޑިސެމްބަރ 2011 ގައެވެ. އެ އިޞްލާޙުގައި، ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނާ އެއްގޮތަށް ޓެކްސް ބަޔާން ހުށަހަޅާފައިނުވާ ޙާލަތުގައި މީރާއިން ބޭނުން ކޮންމެ ވަގުތަކު އޮޑިޓް ނޯޓިސް ފޮނުވޭނެކަން ބަޔާންކޮށްފައިވެއެވެ.30 އަދި ޓެކްސް ދެއްކުމަށް މަކަރު ހަދާކަމުގެ ތުހުމަތުގައި ތަޙްޤީޤު، "އެ ކުށް ކުރިކަމަށް ތުހުމަތު ކުރެވޭ ތާރީޚުން ފެށިގެން 03 (ތިނެއް) އަހަރު ދުވަހުގެ ތެރޭގައި" ފެއްޓިދާނެ ކަމުގައި ބަޔާންކޮށްފައިވެއެވެ. މި މާއްދާތަކަށް ބަލާއިރު، އޮޑިޓް ނޯޓިސް ފޮނުވިދާނެ މުއްދަތާއި، ތަޙްޤީޤު ފެށުމުގެ މުއްދަތާއި، ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް ޤާނޫނުގައި ބަޔާންވެފައިވާ މުއްދަތުތަކުގައި ގުޅުމެއް އޮތްކަމުގައި ބަލައި، އެ ގުޅުމަށް ބުރޫނާރާނެހެން މި މާއްދާތައް ކިޔުމަކީ ރައްޔިތުންގެ މަޖިލިހުން މި މާއްދާތައް އެކަށައެޅުމުގެ ނިޔަތްކަމުގައި އަހުރެންނަށް ބަލަން ދައްޗެވެ. އެހެން ނަމަވެސް، މި މައްސަލައިގައި ވާހަކަ ދެކެވޭ ނޯޓިސް ފޮނުވާފައިވަނީ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް ދެވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަށް ޢަމަލު ކުރަން ފެށި ފަހުންނަމަ، އުފެދޭނެ ޤާނޫނީ ބަހުސް ތަފާތުވުމަކީ އެކަށީގެންވާ ކަމެއްކަން ވެސް ފާހަގަ ކުރަމެވެ.

52. ކަން މިހެން އޮތުމުން، ހައިކޯޓުން ޓްރައިބިއުނަލުން ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 20 ވަނަ މާއްދާގެ (ކ) މާނަކޮށްފައިވަނީ، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 05 ވަނަ މާއްދާ އާއި، އެ ޤާނޫނުގެ 17 ވަނަ މާއްދާއާ ޚިލާފަށް ކަމަށް ކަނޑައެޅިދާނެ ހަމައެއް އޮތްކަމަށް ނުފެންނަ ކަމުގައި ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ކަމުގައި ދެކެމެވެ.

ޙުކުމަށް ވާސިލުވި ސަބަބު ބަޔާންކުރުން

53. މި މައްސަލައިގައި ވާހަކަ ދެކެވޭ އޮޑިޓް ނޯޓިސް މީރާއިން ފޮނުވާފައިވަނީ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 05 ވަނަ މާއްދާ އާއި، އެ ޤާނޫނުގެ 17 ވަނަ މާއްދާއާ ޚިލާފަށް ކަމަށް ކަނޑައެޅިދާނެ ހަމައެއް އޮތްކަމަށް ނުފެންނަ ކަމުގައި އެ ކޯޓުން ނިންމާފައިވަނީ ސަބަބު ބަޔާންކުރުމެއް ނެތިކަމުގައި އިސްތިއުނާފީ ތިންވަނަ ނުކުތާގައި މައިނަރ އިންޓަރނޭޝަނަލްގެ ފަރާތުން ފާހަގަ ކޮށްފައިވެއެވެ. އަދި ސަބަބު ބަޔާންކުރުމެއް ނެތި، މި ފަދައިން ހައިކޯޓުން ނިންމި ނިންމުން އަޙްމަދު އިސްމާއީލް ވ. ލަޠީފާ ޢަލީ ޙަސަން [2021] SC 3031 މައްސަލައިގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ޙުކުމަށް ވާސިލުވި ސަބަބު ބަޔާންކުރުމުގެ ވާޖިބުކަމުގެ އުޞޫލާއި، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އާ ޚިލާފު ކަމުގައި ވެސް އެ ކުންފުނީގެ ފަރާތުން ފާހަގަ ކުރެއެވެ.

54. މި ނުކުތާ އިތުރަށް ތަފުސީލު ކުރަމުން މައިނަރ އިންޓަރނޭޝަނަލްގެ ފަރާތުން ފާހަގަކޮށްފައިވަނީ، ޓްރައިބިއުނަލުން ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 20 ވަނަ މާއްދާގެ (ކ) މާނަކޮށްފައިވަނީ މާނަކުރުމުގައި މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 05 ވަނަ މާއްދާ އާއި، އެ ޤާނޫނުގެ 17 ވަނަ މާއްދާއާ ޚިލާފަށް ކަމުގައި ދެކޭ ތަފުސީލުތައް ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅުނު ނަމަވެސް، ހައިކޯޓުގެ ނިންމުމުގައި އެ ތަފުސީލުތަކަށް އެއްވެސް މިންވަރަކަށް ރިޢާޔަތްކޮށްފައި ނުވާކަމުގައެވެ.

55. މި ނުކުތާގެ ރައްދުގައި މީރާގެ ފަރާތުން ސުޕްރީމް ކޯޓުގައި ފާހަގަ ކޮށްފައިވަނީ ހައިކޯޓުގެ ނިންމުމުގައި، ޓްރައިބިއުނަލުން ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 20 ވަނަ މާއްދާގެ (ކ) މާނަކޮށްފައިވަނީ، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 05 ވަނަ މާއްދާ އާއި، އެ ޤާނޫނުގެ 17 ވަނަ މާއްދާއާ ޚިލާފަށް ނޫންކަމަށް އެ ކޯޓުން ބުރަވި ސަބަބުތައް އެ ކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައިވާ ކަމުގައެވެ.

56. ޙުކުމަށް ވާސިލުވި ސަބަބު ބަޔާންކުރުމަކީ، ފަނޑިޔާރެއްގެ ކުރިމައްޗަށް ހުށަހެޅޭ ހުށަހެޅުމާމެދު ގޮތް ނިންމުމުގައި ތަބާވާންޖެހޭ އެންމެ އަސާސީ އުޞޫލެވެ. އެކަމަކާ ދުރަށް ނުދެވޭނެ އެންމެ އިސް ވާޖިބެވެ. މިކަން ސުޕްރީމް ކޯޓުގެ އަޙްމަދު އިސްމާއީލް ވ. ލަޠީފާ ޢަލީ ޙަސަން

[2021] SC 30 32 މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދު ފާހަގަ ކުރައްވާފައިވަނީ އަންނަނިވި ފަދައިންނެވެ.

"ޝަރީއަތަކީ ފަނޑިޔާރުގެ ކުރިމައްޗަށް ހުށަހެޅޭ ދައުވާއެއްގައި ޚަސްމުން ހުށަހަޅާ ހެކިތައް ވަޒަންކޮށް އެ ހެކިތަކުގެ މައްޗަށް ފަނޑިޔާރު ބަލައި ވިސްނުމަށްފަހު އޭނާއަށް ބުރަވެވޭ ގޮތަކަށް އެ ދައުވާއާމެދު ގޮތެއް ނިންމުމެވެ. ފަނޑިޔާރު ނިންމާ ނިންމުމަކީ ހެއްކާ ގަރީނާއަށް ބިނާކޮށް އިންސާފުވެރިކަމާއި އެކުގައި ކުރި ހުކުމެއް ކަން ކަށަވަރުކުރެވޭނެ ހަމައެކަނި ގޮތަކީ ޝަރީއަތުގެ ކުރިމައްޗަށް ހުށަހެޅުނު ހެކިތަކަކީ ކޮބައިކަމާއި، އެ ހެކިތައް ވަޒަންކުރި ގޮތާއި، އެ ހުކުމަށް ފަނޑިޔާރު ވާސިލުވި ސަބަބުތައް ލިޔެ ބަޔާންކުރުމެވެ. ހުކުމަށް ފަނޑިޔާރު ވާސިލުވި ސަބަބުތައް ލިޔެ ބަޔާންކޮށްފައި އޮތުމަކީ ގާނޫނުއަސާސީ ގެ 42 ވަނަ މާއްދާގެ (ހ) އިން ކަށަވަރުކޮށްދީފައިވާ އިންސާފުވެރި ޝަރީއަތެއް ކުރެވުމުގެ ހައްގުގެ މައިގަނޑު އުންސުރެކެވެ.

ހުކުމަށް ވާސިލުވި ސަބަބުތައް ބަޔާންކުރުން ފަނޑިޔާރުންގެ މައްޗަށް ލާޒިމުވާ ސަބަބަކީ، އެ މައްސަލައެއް އެކަށީގެންވާ މިންވަރަކަށް އެ ފަނޑިޔާރު ބަލައިފިކަން ކަށަވަރުކުރެވޭނެ ވަސީލަތަކީ އެއީ ކަމުގައިވާތީއެވެ.

މައްސަލައިގެ ނިންމުމަށް ފަނޑިޔާރު ވާސިލުވި ސަބަބުތައް ބަޔާންކުރުމުގައި، މައްސަލައިގައި ހިމެނޭ ދައުވާގެ ކޮންމެ ބަޔަކާމެދު ދެފަރާތުން ދެއްކި ވާހަކަތަކުގެ މައިގަނޑު ނުކުތާތައް ބަޔާންކޮށް، އެ ނުކުތާތަކުގެ ތެރެއިން އެ މައްސަލައިގައި ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ ނުކުތާތަކަކީ ކޮބައިކަން ފާހަގަކޮށް، އެ ނުކުތާތަކާބެހޭ ގޮތުން ހުރި ހެކިތަކާއި، އެ ހެކިތައް ވަޒަންކުރިގޮތާއި އެ ހެކިތަކަށް ބުރަދަން ދެވުނު ގޮތް އަދި މައްސަލަ ސާބިތުނުވިނަމަ އެ މައްސަލަ ސާބިތުނުވި ސަބަބު އެ މައްސަލައިގައި ހިމެނޭ ޚަސްމުންނަށް ސާފުކޮށް އޮޅުންފިލާނޭ ގޮތަށް ތިލަބަހުން ފަނޑިޔާރު ބަޔާންކުރަންވާނެއެވެ. ޚަސްމަކު ހުށަހެޅި ހެއްކެއް ބަލައި ނުގަތުމަށް ފަނޑިޔާރު ނިންމައިފިނަމަ އެކަމުގެ ސަބަބުތައް ސާފުކޮށް ލިޔަންވާނެއެވެ. ފައިސާގެ އަދަދެއް ދައްކަން ހުކުމްކުރާނަމަ އެ އަދަދަކަށް ވާސިލުވި ގޮތް ސަބަބާއެކު ބަޔާންކުރަންވާނެއެވެ. ހުކުމަށް ވާސިލުވި ސަބަބުތައް، ޝަރީއަތް ކުރާ ފަނޑިޔާރު ބަޔާންކޮށްފައި ނުވާނަމަ، އެ މައްސަލަ އިސްތިއުނާފުކުރަން ބޭނުންވާ ޚަސްމަށް އޭނާ ތައުނުކުރަން ބޭނުންވާ ނުކުތާތައް ފާހަގަކުރެވޭނެ ގޮތެއް ނޯންނާނެއެވެ. އެހެންކަމުން އެކަމަކީ ގާނޫނުއަސާސީގެ 56 ވަނަ މާއްދާއިން ޚަސްމުންނަށް ކަށަވަރުކޮށްދީފައިވާ އިސްތިއުނާފުކުރުމުގެ ހައްގަށް ވެސް އުނިކަން ލިބޭނެ ކަމެކެވެ.

ވީމާ، ފަނޑިޔާރު ހުކުމަށް ވާސިލުވި ސަބަބުތައް ލިޔެ ބަޔާންކޮށްފައި ނެތް ނަމަ އެ ޝަރީއަތަކީ ސައްހަ ޝަރީއަތެއް ކަމަށް ނުބެލެވޭނެއެވެ.

57. އޮޑިޓް ނޯޓިސް ފޮނުވުމުގެ މުއްދަތު ގުނާނެ ގޮތާމެދު މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 05 ވަނަ މާއްދާ އާއި، އެ ޤާނޫނުގެ 17 ވަނަ މާއްދާ އުސްއަލިކޮށް މައިނަރ އިންޓަރނޭޝަނަލްގެ ފަރާތުން ހައިކޯޓަށް އިސްތިއުނާފީ އެ ނުކުތާ ހުށަހަޅާފައިވަނީ ސުޕްރީމް ކޯޓަށް އެ ނުކުތާ ހުށަހެޅި ފަދައިންނެވެ. އެ ކުންފުނީގެ މައިގަނޑު ހުށަހެޅުމަކީ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް ގެނެވުނު ދެވަނަ އިޞްލާޙުގައި، ޖިނާއީ ތުހުމަތަކާ ގުޅިގެން އޮޑިޓް ނޯޓިހެއް ފޮނުވަންޖެހޭ ޙާލަތުގައި، އެ ނޯޓިސް ފޮނުވަން ޖެހޭނީ، ޓެކްސް ބަޔާން ހުށަހެޅި ތާރީޚުން ފެށިގެން 03 (ތިނެއް) އަހަރު ދުވަހުގެ ތެރޭގައި ކަމަށް އޮންނަ އޮތުމަށް ރިޢާޔަތްކޮށް، ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 20 ވަނަ މާއްދާގެ (ކ) ގައި ޖިނާއީ ތުހުމަތަކާ ގުޅިގެން އޮޑިޓް ނޯޓިސް ފޮނުވުމަށް އޮންނަ މުއްދަތަށް ޚާއްޞަ މާނަކުރުމެއް ދޭންޖެހޭކަމުގައި ހުށަހެޅި ހުށަހެޅުމެވެ. އަދި މިކަމަށް ބާރު ދިނުމުގެ ގޮތުން ޓެކްސް ދައްކާ ފަރާތުން ލިޔެކިޔުންތައް ރައްކާކޮށް ބަހައްޓަން ޤާނޫނު ލާޒިމު ކޮށްފައިވާ މުއްދަތު ވެސް އެ ކުންފުނީގެ ފަރާތުން ހައިކޯޓުގެ ސަމާލުކަމަށް ގެނެސްފައިވެއެވެ. މިކަންކަމަށް މީރާގެ ފަރާތުން ހައިކޯޓުގައި ތަފުސީލުކޮށް ރައްދުދީ، ޖަވާބުދާރީވެފައިވާ ކަން ވެސް މީރާއިން އެ ކޯޓުގައި ދައްކާފައިވާ ވާހަކަތަކުން އެނގެއެވެ.33

58. ދެ ފަރާތުގެ ހުށަހެޅުންތައް އެ ފަދައިން ހުރި ނަމަވެސް، ހައިކޯޓުގެ ނިންމުމުގައި، ދެ ފަރާތުން ދެއްކި ކުރިން އިޝާރާތް ކުރި މައިގަނޑު އެއްވެސް ހުށަހެޅުމަކާ ގުޅިގެން ވަކި ކަމެއް ފާހަގަކޮށްފައި ނުވެއެވެ. މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނަށް ރިޢާޔަތްކޮށް ޚާއްޞަ މާނައެއް ދޭންޖެހޭކަން ނުވަތަ ނޫންކަން، ޤާނޫނަކަށް ގެންނަ އިޞްލާޙަކުން އަނެއް ޤާނޫނުގައި އޮންނަ އެއްގޮތް މާއްދާ މާނަކުރާނީ ކިހިނަކުން ކަން، މާނަކުރުމަށް އެދޭ ފަރާތުން މާނަކޮށްފި ނަމަ، ޢަމަލީ ގޮތުން ކުރިމަތިވެދާނެ ދައްޗެއް އޮތްކަން ނުވަތަ ނޫންކަން ފަދަ އެއްވެސް ކަމެއް ހައިކޯޓުގެ ނިންމުމުގައި ފާހަގަކޮށްފައި ނުވެއެވެ. ނަމަވެސް، ކުރު ގޮތަކަށް ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 20 ވަނަ މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ޢުންޞުރުތައް މީރާއިން ފޮނުވި ނޯޓިހުގައި ފުރިހަމަވާކަން ބަޔާންކުރުމަށްފަހު، ޓްރައިބިއުނަލުން އެ މާއްދާ މާނަކުރި ކުރުން މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 05 ވަނަ މާއްދާ އާއި އެ ޤާނޫނުގެ 17 ވަނަ މާއްދާ އާ ޚިލާފު ކަމުގައި ކަނޑައެޅިދާނެ ހަމައެއް އޮތްކަމަށް ނުފެންނަ ކަމަށް އެ ކޯޓުން ނިންމާފައިވެއެވެ.

59. ކަން މިހެން އޮތުމުން، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 05 ވަނަ މާއްދާ އާއި އެ ޤާނޫނުގެ 17 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ޖިނާއީ ތުހުމަތަކާ ގުޅިގެން އޮޑިޓް ނޯޓިސް ފޮނުވިދާނެ ކަމުގައި ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 20 ވަނަ މާއްދާގެ (ކ) ގައި އޮންނަ މުއްދަތަށް ޚާއްޞަ މާނަކުރުމެއް ދޭންޖެހޭ ކަމުގައި ބުނެ މައިނަރ އިންޓަރނޭޝަނަލްގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ ނުކުތާއާމެދު އެ ކޯޓުން ގޮތެއް ނިންމުމުގައި، ސުޕްރީމް ކޯޓުގެ އަޙްމަދު އިސްމާއީލް ވ. ލަޠީފާ ޢަލީ ޙަސަން [2021] SC 3034 މައްސަލައިގައި ކަނޑައެޅިފައިވާ އުސޫލުން ނިންމުމަށް ވާސިލުވި ސަބަބު ބަޔާންވެފައި އޮތްކަމުގައި އަހުރެން ނުދެކެމެވެ. އަދި އެފަދައިން ސަބަބު ބަޔާން ކުރުމެއް ނެތި، އެ ކޯޓުން އެ ނިންމުން ނިންމާފައިވަނީ ޤާނޫނީ އުޞޫލާ އެއްގޮތަށް ކަމުގައި ވެސް އަހުރެން ނުދެކެމެވެ.

ހުށަހަޅާފައި ނުވާ ކަމެއްގައި ގޮތް ނިންމުން

60. އިސްތިއުނާފީ 05 ވަނަ ނުކުތާއިން ފެށިގެން 08 ވަނަ ނުކުތާގެ ނިޔަލަށް މައިނަރ އިންޓަރނޭޝަނަލްގެ ފަރާތުން ފާހަގަ ކޮށްފައިވާ އިސްތިއުނާފީ ނުކުތާތަކަކީ، މި މައްސަލައިގައި ވާހަކަ ދެކެވޭ ލޯނަކީ ލޯނެއް ނޫންކަމުގައި ޓްރައިބިއުނަލުން ނިންމި ނިންމުމަށް ހައިކޯޓުން ތާއީދު ކުރިކުރުމާ ގުޅޭ ނުކުތާތަކެކެވެ.

61. މި ނުކުތާތަކުގެ ތެރެއިން 05 ވަނަ ނުކުތާގައި މައިނަރ އިންޓަރނޭޝަނަލްގެ ފަރާތުން މައިގަނޑު ގޮތެއްގައި ބުނެފައިވަނީ، ވާހަކަ ދެކެވޭ ލޯނަކީ ލޯނެއްކަން ނުވަތަ ނޫންކަމާމެދު ޚަޞްމުންގެ ފަރާތުން ގޮތެއް ކަނޑައަޅައި ދިނުމަށް އެދިފައި ނުވަނީސް، އަދި އެ ކަމާމެދު ޚަޞްމުންނާ ސުވާލު ކުރިމަތި ކުރުމެއްނެތި، އެއީ ލޯނެއް ނޫންކަމުގައި ޓްރައިބިއުނަލުން ނިންމާފައިވާ ކަމުގައެވެ. ޤާނޫނުތަކަށް ބަލާއިރު، ޓްރައިބިއުނަލަކީ އެ ތަނަށް ހުށަހެޅޭ މައްސަލަތައް ބަލައި ގޮތެއް ނިންމަންޖެހޭ ތަނެއް ކަމުގައެވެ. ކަންމިހެން އޮތް ނަމަވެސް، ޓްރައިބިއުނަލްގެ ނިންމުމަށް ހައިކޯޓުން ތާއީދު ކުރި ކުރުން ސުޕްރީމް ކޯޓުގެ އިސްމާޢިލް ޝުޖާޢު ވ. ޔޫސުފް ރިޟާ [2021] SC 9835 މައްސަލައިގައި ކަނޑައަޅާފައިވާ ކަމާބެހޭ އުޞޫލުތަކާ ޚިލާފު ކަމުގައެވެ. އަދި އިސްތިއުނާފީ 06 ވަނަ ނުކުތާގައި މައިނަރ އިންޓަރނޭޝަނަލްގެ ފަރާތުން ފާހަގަކޮށްފައިވަނީ، ހައިކޯޓުން ޓްރައިބިއުނަލްގެ އެ ނިންމުމަށް ތާއީދުކޮށްފައިވަނީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އިން ކަށަވަރު ކޮށްދޭ އިންސާފުން ޝަރީޢަތް ކުރުމުގެ ޙައްޤަށް ރިޢާޔަތް ކުރުމެއް ނެތި، އެ މާއްދާއާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމުގައެވެ.

62. މި އިސްތިއުނާފީ ނުކުތާ ހުށަހަޅަމުން މައިނަރ އިންޓަރނޭޝަނަލްގެ ފަރާތުން ދެ ޤާނޫނީ މަޞްދަރަކަށް ޙަވާލާދީފައިވެއެވެ. ފުރަތަމަ މަޞްދަރަކީ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ36 54 ވަނަ މާއްދާއެވެ. މި ގޮތުން އެ މާއްދާގައި ޓެކްސް އެޕީލް ޓްރައިބިއުނަލް ޤާއިމު ކޮށްފައިވަނީ، ޓެކުހާބެހޭ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން "ހުށަހެޅޭ ޓެކުހާ ގުޅޭ މައްސަލަތައް" ބެލުމަށް ކަމުގައި ބަޔާންކޮށްފައިވެއެވެ. ދެވަނަ މަޞްދަރަކީ، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދެވެ. އެ ގަވާއިދުގައި، އިސްތިއުނާފުކަމަށް ބަޔާންކޮށްފައިވަނީ، ޓެކްސް ދައްކާ ފަރާތުން ޓެކުހާބެހޭ ޤާނޫނުތަކުގެ ދަށުން ޓްރައިބިއުނަލަށް "ހުށަހަޅާ މައްސަލަ" ކަމުގައި ބަޔާންކޮށްފައިވެއެވެ. މީގެ އިތުރަށް ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދުގެ 20 ވަނަ މާއްދާ އާއި 21 ވަނަ މާއްދާއިން ވެސް އެ ޓްރައިބިއުނަލަކީ އެ ތަނަށް ހުށަހެޅޭ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިފައިވާ ތަނެއްކަމުގައި ބަޔާންވެފައިވެއެވެ.

63. ޓްރައިބިއުނަލެކޭ އެއްފަދައިން ރާއްޖޭގެ ކޯޓުތަކަކީ، އެ ތަންތަނަށް މައްސަލަ ހުށަހަޅާ ފަރާތްތަކުން ހުށަހަޅާ ކަންކަމާމެދު ގޮތް ނިންމާ ތަންތަނެވެ. މިކަން ސާފުކޮށް ބަޔާންވެފައިވަނީ ސުޕްރީމް ކޯޓުގެ އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް މެލޭޝިޔާ ބަރްހާދް ވ. ސަލްޓަންސް އޮފް ދަ ސީސް މެރިން ޓެކްސީ ޕްރައިވެޓް ލިމިޓެޑް އަދި ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑް37 މައްސަލައެވެ. އެ މައްސަލައިގައި ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމުގެ ބިނާވެފައިވާ ގޮތާމެދު ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ.

"ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ޝަރުޢީ ނިޒާމު އެ ޤާނޫނުތަކުގެ މައްޗަށް ތަރުތީބުވެފައިވާ ޤާނޫނުތަކަށް ބަލާއިރު، ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމު ބިނާވެފައިވަނީ އެޑްވަސޭރިއަލް ނިޒާމުގެ އަސާސީ ގިނަ ސިފަތަކެއް އެކުލެވިގެންނެވެ. މި ނިޒާމުގެ އެންމެ އަސާސީ އެއް ސިފައަކީ، މައްސަލަ ބަލާ ފަނޑިޔާރަކީ އެ ފަނޑިޔާރުގެ ކުރިމައްޗަށް ހުށަހެޅޭ ވާޤިޢާތައް، އެ ވާޤިޢާތައް ހުށަހަޅާ ފަރާތްތަކުން އެކަންކަން ސާބިތު ކުރުމުން އެކަމުގެ މައްޗަށް ތަޠުބީޤު ކުރަންޖެހޭ ޤާނޫނު ތަޠުބީޤުކޮށް މައްސަލަތަކުގައި ގޮތް ކަނޑައަޅަމުން ދިއުމެވެ."

64. ފަނޑިޔާރުންގެ ކުރިމައްޗަށް ގޮތް ނިންމުމަށް ހުށަހެޅޭ ކަންކަމުގައި، ޚަޞްމުންގެ ފަރާތުން ފާހަގަ ނުކުރާ، އެހެން ނަމަވެސް އެ ކަމެއްގައި ގޮތް ކަނޑައެޅުމުގައި ކޮންމެހެން ރިޢާޔަތް ކުރަންޖެހޭ ޤާނޫނީ ކަންކަން މަދުން ނަމަވެސް ފެންމަތިވެއެވެ. ފާހަގަވާ ކަންކަމާ ގުޅިގެން ޚަޞްމުންގެ ފަރާތުން ހުށަހަޅާފައިނުވާ ލިޔުންތައް ހޯދަންޖެހެއެވެ. މިފަދަ ހާލަތްތަކުގައި ޢަމަލު ކުރާނެ އުޞޫލެއް ސުޕްރީމް ކޯޓުގެ އިސްމާޢީލް ޝުޖާޢު ވ. ޔޫސުފް ރިޟާ [2021] SC 9838 މައްސަލައިގައި ކަނޑައަޅާފައިވެއެވެ. އެ މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، އެ އުސޫލު ބަޔާން ކުރައްވަމުން ލިޔުއްވާފައިވާ އިބާރާތް ތިރީގައި ނަކަލު ކޮށްލަމެވެ.

"މައްސަލަ ބަލާ ފަނޑިޔާރުންނަށް ކަންކަން ފާހަގަ ކުރެވިގެން ހޯދާ ލިޔުންތައް އެ މައްސަލައެއްގައި ހިމެނޭ އެންމެހައި ފަރާތްތަކާ ހިއްސާކޮށް، ބަސް ބުނުމުގެ ފުރުސަތު ދެވެންވާނެއެވެ. ހަމަ އެފަދައިން، މައްސަލައަކާ ގުޅިގެން ކުރެވޭ ސުވާލުތަކެއް ކުރެވެން ވާނީ މައްސަލައިގެ އެންމެހައި ފަރާތްތަކުގެ ހާޒިރުގައެވެ. ސަބަބަކީ ފަނޑިޔާރުން ހޯދާ މަޢުލޫމާތަކަށް ވިޔަސް، އަދި ކޮންމެވެސް އެއް ފަރާތަކާ ކުރާ ސުވާލަކަށް ވިޔަސް، މައްސަލައިގެ ދެން ހިމެނޭ ފަރާތްތަކުން އެދޭނަމަ، އެކަންކަން ތައުނުކޮށް އަދި މުނާގަޝާކުރުމުގެ ފުރުސަތު އޮންނަން ޖެހޭނެތީއެވެ. ޝަރީޢަތުން މައްސަލަ ބެލުމުގެ ޢާންމު އުސޫލަކީ ފަނޑިޔާރުންގެ ކުރިމައްޗަށް ހުށަހަޅާ ހުށަހެޅުންތަކަށް ބެލުންކަމުގައިވާއިރު، މައްސަލައެއްގެ މަސްލަހަތު އޮތް ފަރާތްތަކަށް ނޭނގި، އައު ހުށަހެޅުމެއް ފަނޑިޔާރުގެ އިސްނެގުމަކަށް ހުށަނޭޅޭނެއެވެ.

ފަނޑިޔާރުން މައްސަލަ ބެލުމުގެ ތެރޭގައި މައްސަލައިގެ އެއްވެސް ޚަޞްމަކު ފާހަގަނުކުރާ، އެހެންނަމަވެސް ޤާނޫނީ ގޮތުން ފާޅުކަންބޮޑު ކަމެއް ފާހަގަކުރެވެން އޮތްނަމަ ދެން ޢަމަލުކުރާނީ ކިހިނެއް ހެއްޔެވެ؟ އެ ނުކުތާއަކީ މައްސަލައިގެ އެއްވެސް ޚަޞްމަކު ނުދައްކާ ވާހަކައެއްކަމަށް ބުނެ ޚަޞްމުންގެ ހުށަހެޅުންތަކަށް އެކަނި ޖަވާބެއް ދޭނީ ހެއްޔެވެ؟ ނުވަތަ ޤާނޫނީ ގޮތުން ފާޅުކަން ބޮޑު ގޮތެއްގައި ފާހަގަކުރެވޭ ކަމަކަށް ޤާނޫނު ތަޠުބީޤު ކުރާނީ ހެއްޔެވެ؟

މި ސުވާލުތަކަކީ، އަބަދުމެ ފަސޭހަ ޖަވާބެއް ލިބެންހުރި ސުވާލުތަކެއް ނޫނެވެ. އެއްކޮޅުން، ފަނޑިޔާރުންނަކީ ވަކި ފަރާތަކަށް ނުޖެހި އިންސާފު ޤާއިމުކުރުމަށް ތިބޭ ބައެއް ކަމުގައިވާއިރު، ޤާނޫނީ ވަކީލުންގެ ދައުރު އަދާކުރުމުން ފަނޑިޔާރުން މަނާވެގަންނަންޖެހެއެވެ. އަނެއްކޮޅުން، އުސޫލުތައް އޭގެ އެންމެ ލަފްޒީ މާނައިގައި ތަޠުބީޤުކޮށް، މައްސަލަ ބެލުމުގެ އިޖުރާއަތުތަކުގެ އެތައް ކަފިތަކަކުން ނިކުމެވޭއިރު، އިންސާފު ޤާއިމުކުރުމުގެ ރޫޙަށް އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ނުދެވި ގޮސްދާނެއެވެ.

ފަނޑިޔާރުންގެ ދައުރަކީ ޢަދުލު އިންޞާފު ޤާއިމުކުރުމެވެ. ޢަދުލު އިންޞާފު ޤާއިމުކުރުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނުތައް ނެގެހެއްޓުމެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގެ ދަށުން ފަނޑިޔާރުން ޢަމަލުކުރަންޖެހޭނީ ޤާނޫނުއަސާސީއަށާއި ޤާނޫނަށެވެ. ވުމާއެކު، ޤާނޫނުގައި ފާޅުކަން ބޮޑު ގޮތެއްގައި ފާހަގަކުރެވެން އޮތްކަމެއް އެގޮތުގައި އޮއްވައި، އެކަމެއް އެއް ފަރާތްކޮށް، އެއީ މައްސަލައިގެ އެއްވެސް ޚަޞްމަކު ނުނަގާ ނުކުތާއެއްކަމަށް ބުނެ، ޤާނޫނާ ޚިލާފަށް ފަނޑިޔާރުންނަކަށްވެސް ޙުކުމެއް ނުކުރެވޭނެއެވެ.

މި ވިސްނުމުންދާނަމަ، މައްސަލައެއް ބެލުމުގެ ތެރޭގައި މައްސަލައިގެ ޚަޞްމުން ފާހަގަނުކުރާ، އެހެންނަމަވެސް ފާޅުކަންބޮޑު ގޮތެއްގައި ފަނޑިޔާރަށް ފާހަގަކުރެވޭ ޤާނޫނީ ކަމެއްވާނަމަ، އެކަމަކާ މެދު ގޮތެއް ކަނޑައެޅުމުގެ ކުރިން، އެކަމަކާމެދު މައްސަލައިގެ ޚަޞްމުން ދެކޭގޮތް ހޯދަންވާނެއެވެ. އަދި ޚަޞްމުން އެދޭނަމަ، އެއް ފަރާތުން އަނެއް ފަރާތާ ދައްކާ ވާހަކަތައް ޖަދަލުކޮށް، ތައުނު ކުރުމުގެ ފުރުޞަތު ދެވެންވާނެއެވެ."

65. މި އުޞޫލުތައް މި މައްސަލައަށް ތަޠުބީޤު ކުރާއިރު، މި މައްސަލައިގައި ވާހަކަ ދެކެވޭ ލޯނަކީ، ލޯނެއްކަން ނުވަތަ ނޫންކަން ކަނޑައަޅައި ދިނުމަށް މައްސަލައިގައި ހިމެނޭ ފަރާތަކުން ޓްރައިބިއުނަލްގައި އެދިފައިވާކަން އެނގެން ނެތްކަމަށް ފާހަގަ ކުރުމަށް ފަހު، ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގެ 05 ވަނަ ނަންބަރުގެ ދަށުން އިންޓަރެސްޓް އުނިކުރެވިދާނެކަން ނުވަތަ ނޫންކަން ކަނޑައެޅުމުގެ ކުރިން، އެ އިންޓަރެސްޓް ކަނޑައަޅާފައިވަނީ ހަގީގަތުގައި ވެސް ލޯނުގެ މުޢާމަލާތަކުންކަން ނުވަތަ ނޫންކަން ބަލަންޖެހޭ ކަމުގައި ހައިކޯޓުން ނިންމާފައިވެއެވެ. އަދި އެކަމަކީ ސީދާ ޚަޞްމަކު އެދިފައިވީ ކަމަކަށް ނުވި ނަމަވެސް، ޚަޞްމުން އެދުނު ކަންކަމާ ގުޅިގެން ގޮތް ކަނޑައެޅޭނީ އެ މުޢާމަލާތަކީ ލޯނެއްކަން ނުވަތަ ނޫންކަމާމެދު ގޮތެއް ކަނޑައެޅިގެން ކަމުގައި ހައިކޯޓުން ފާހަގަ ކޮށްފައިވެއެވެ. މި ފަދައިން ފާހަގަ ކުރުމަށްފަހު، ޚަޞްމުންގެ ބަހެއް ނެތި، ޓްރައިބިއުނަލުން މި މައްސަލައިގައި ވާހަކަ ދެކެވޭ ލޯނަކީ ލޯނެއް ނޫންކަމުގައި ނިންމާފައިވާ ނިންމުމަށް ހައިކޯޓުން ތާއީދު ކޮށްފައިވެއެވެ.

66. މި މައްސަލައިގައި ޓްރައިބިއުނަލުން މައްސަލަ ބެލުމުގައި އާދެވިފައިވާ ހަތަރުއަނގޮޅިއަކީ، ޓްރައިބިއުނަލަށް ހުށަހެޅިފައިވާ މައިގަނޑު ޤާނޫނީ ނުކުތާގައި ގޮތް ކަނޑައެޅުމުގައި ކޮންމެހެން ގޮތެއް ކަނޑައަޅަންޖެހޭ އެހެން ޤާނޫނީ ނުކުތާއަކާ އަރާ ހަމަވުމެވެ. މި ޙާލަތުގައި ޓްރައިބިއުނަލުން އެ ނުކުތާއާމެދު ކޮންމެ ގޮތެއް ނިންމި ނަމަވެސް، މައްސަލައިގެ ޚަޞްމުން އެ ނުކުތާއާމެދު ދެކޭ ގޮތް އަހައި އޮޅުން ފިލުވަން ވާނެއެވެ. މިއީ ސުޕްރީމް ކޯޓުގެ އިސްމާޢީލް ޝުޖާޢު ވ. ޔޫސުފް ރިޟާ [2021] SC 9839 މައްސަލައިގައި މި ކަމާގުޅޭގޮތުން އައިސްފައިވާ އުޞޫލެވެ. ކަންމިހެން އޮތް އިރު، ޚަޞްމުންގެ ބަހެއް ނެތި، ޓްރައިބިއުނަލުން މި މައްސަލައިގައި ވާހަކަ ދެކެވޭ ލޯނަކީ ލޯނެއް ނޫންކަމުގައި ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމަށް ހައިކޯޓުން ތާއީދުކޮށްފައިވަނީ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ކަމުގައި އަހުރެން ނުދެކެމެވެ.

67. އަދި މި ސަބަބުތަކަށްޓަކައި، ހައިކޯޓުގެ މި ނިންމުމަކީ، އިންސާފުވެރިކަމާއެކު، ޝަރީޢަތް ކުރުމުގައި، ޚަޞްމުންގެ ފަރާތުން ހުށަހެޅޭ ކަންކަމުގެ މައްޗަށް ފައިސަލާކޮށް ގޮތް ކަނޑައެޅުމާއި، ފަނޑިޔާރުގެ ކުރިމަތީގައި ގޮތް ނިންމުމަށް ހުށަހެޅިފައިވާ ކަމާގުޅޭ ގޮތުން، ޚަޞްމުން ދެކޭ ގޮތް އޮޅުންފިލުވުން ފަދަ، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގައި ބަޔާންވެފައިވާ، އިންސާފުން ކުރެވޭ ޝަރީޢަތެއްގައި ހުންނަ މުހިންމު ސިފަތަކަށް ރިޢާޔަތް ކުރެވިގެން ނިންމާފައިވާ ނިންމުމެއް ކަމުގައި ވެސް އަހުރެން ނުދެކެމެވެ.

ލޯނެއްކަން ނުވަތަ ނޫންކަމާމެދު

68. އިސްތިއުނާފީ 07 ވަނަ ނުކުތާގައި، މައިނަރ އިންޓަރނޭޝަނަލްއިން ފާހަގަ ކޮށްފައިވަނީ، މި މައްސަލައިގައި ހިމެނޭ ލޯނަކީ އިކުއިޓީ ކޮންޓްރިބިއުޝަނެއް ކަމަށް ޓްރައިބިއުނަލުން ނިންމި ނިންމުން ރަނގަޅުކަމަށް ހައިކޯޓުން ކަނޑައަޅާފައިވަނީ ޤާނޫނާ ޚިލާފަށް ކަމުގައެވެ. މި ގޮތުން އެ ނިންމުން ހައިކޯޓުން ނިންމާފައިވަނީ ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގަވާއިދުގެ 8 ވަނަ މާއްދާގެ (ނ) އާއި، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ހ) އާއި (ނ)، އެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ށ) އާއި (ބ) އާއި، އިންޓަރނޭޝަނަލް އެކައުންޓިންގ ސްޓޭންޑަޑް (އައި.އޭ.އެސް) 32 (Financial Instruments: Presentation) އާއި ހުށަހަޅާފައިވާ ކިތާބީ ހެކިތަކުން ސާބިތުވާންހުރި ޙަޤީޤަތްތަކަށް ރިޢާޔަތް ކުރުމެއް ނެތިކަމުގައެވެ. އަދި އެ ނިންމުމަކީ ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގަވާއިދުގެ 8 ވަނަ މާއްދާގެ (ނ) އާއި، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ހ) އާއި (ނ)، އެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ށ) އާއި (ބ) އާއި، އާއި ޤާނޫނުއަސާސީ ގެ 97 ވަނަ މާއްދާގެ (ށ) އާއި ސުޕްރީމް ކޯޓުގެ މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ [2021] SC 2540 މައްސަލައިގައި ކަނޑައަޅައިފައިވާ އުޞޫލާ ޚިލާފު ނިންމުމެއް ކަމުގައެވެ.

69. މި ނުކުތާގައި މައިނަރ އިންޓަރނޭޝަނަލްގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުގެ ޚުލާޞާއަކީ، މި މައްސަލައިގައި ގޮތެއް ކަނޑައެޅިފައިވާ ލޯނަކީ ޙަޤީޤަތުގައި ވެސް ލޯނެއް ކަމެވެ. އެކަމަށް އިންޓަރނޭޝަނަލް އެކައުންޓިންގ ސްޓޭންޑަޑް (އައި.އޭ.އެސް) 32 (Financial Instruments: Presentation) އިން ބާރުލިބޭ ކަމެވެ. މި އެކައުންޓިންގ ސްޓޭންޑަޑަކީ، ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤަވާޢިދުގެ 08 ވަނަ މާއްދާގެ (ނ) އިން އެ ސްޓޭންޑަޑާ އެއްގޮތަށް ހިސާބު ތައްޔާރުކުރުން ލާޒިމުކޮށްފައިވާ ސްޓޭންޑަޑްކަމެވެ.

70. މި ނުކުތާއަށް ގޮތެއް ކަނޑައެޅިގެންދާނީ، މައުޟޫޢީ ގޮތެއްގައި ލޯނަކީ ކޮބައިކަން ނުވަތަ ނޫންކަމާމެދު ބަހުސްކޮށް، އެ ބަހުސްގެ ނަތީޖާއާ ހައިކޯޓުގެ ނިންމުން އަޅައިކިޔައިގެންނެވެ. މި އުޞޫލުން ބަލާއިރު، މި މައްސަލައިގައި ހިމެނޭ ލޯނަކީ ލޯނެއް ކަމާމެދު ޓްރައިބިއުނަލުން މައްސަލަ ނިންމުމާ ހަމައަށް މި މައްސަލައިގެ ޚަޞްމުންގެ މެދުގައި ޚިލާފެއް، ދެބަސްވުމެއް ނެތެވެ. އަދި ހައިކޯޓުން މިކަމާމެދު މައުޟޫޢީ ގޮތުން ބަހުސްކޮށް ގޮތް ކަނޑައަޅާފައިވާއިރު، މިއީ ޓްރައިބިއުނަލް މަރުޙަލާގައި މައުޟޫޢީ ގޮތުން ޚަޞްމުންގެ މެދުގައި އެއްވެސް މިންވަރަކަށް ބަހުސް ކުރެވިފައިވާ ކަމެއްވެސް ނޫނެވެ. ކަން މިހެން އޮތްއިރު، މިއީ ސުޕްރީމް ކޯޓުގެ މަރުޙަލާގައި ގޮތެއް ކަނޑައެޅިދާނެ ނުކުތާއެއް ކަމުގައި އަހުރެން ނުދެކެމެވެ. އަދި ލޯނެއް ނޫންކަމުގައި ޓްރައިބިއުނަލުން ނިންމި ނިންމުމަށް ހައިކޯޓުން ތާއީދު ކުރިކުރުން ޤާނޫނާ ޚިލާފު ކަމުގައި އިސްތިއުނާފީ 05 ވަނަ ނުކުތާ އާއި 06 ވަނަ ނުކުތާއާ މެދު ގޮތެއް ނިންމުމުގައި އަހުރެން ފާހަގަ ވެސް ކޮށްފީމެވެ.

މީރާގެ ނިންމުންތައް އެއްގޮތް ނުވުމާމެދު

71. އިސްތިއުނާފީ 08 ވަނަ ނުކުތާގައި މައިނަރ އިންޓަރނޭޝަނަލްގެ ފަރާތުން ފާހަގަ ކޮށްފައިވަނީ މި މައްސަލައިގައި ހައިކޯޓުން ޓްރައިބިއުނަލްގެ ނިންމުމަށް ތާއީދު ކުރި ކުރުން ޤާނޫނުއަސާސީގެ 20 ވަނަ މާއްދާ އާއި، ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ޢަމަލުކުރެވޭނެ ކަމަށް އުންމީދު ކުރުމުގެ (Legitimate Expectation) އުޞޫލާ ޚިލާފު ކަމުގައެވެ.

72. މި ނުކުތާ ތަފުސީލު ކުރަމުން އެ ކުންފުނީގެ ފަރާތުން ފާހަގަކޮށްފައިވަނީ، މީރާގެ ފަރާތުން އެ ޓެކްސް އަހަރު 2011 އިން 2013 އަށް އެ ކުންފުނި އޮޑިޓް ކުރުމަށް ފަހު، މި މައްސަލައިގައި ހިމެނޭ ލޯނުގެ އިންޓަރެސްޓް އުނި ކުރުމަށް ހުއްދަ ދީފައިވާ ކަމުގައެވެ. ކަންމިހެން ހިނގާފައި އޮތުމުން މީރާއިން ޤާނޫނު ތަންފީޒުކުރާނީ އެއް އުޞޫލަކުން އެއް ގޮތަކަށް ކަމުގައި ދެކި، އެ ފަދައިން އުންމީދު ކޮށްގެން ތިބުމުގެ ޙާލަތެއް ވުޖޫދުވެފައި އޮތްކަމަށް އެ ކުންފުނިން ދެކޭ ކަމުގައެވެ. އެހެން ނަމަވެސް، އެއް ލޯނަކާ ގުޅިގެން، އެ ލޯނާ ގުޅޭ އެއްވެސް ކަމަކަށް، ލިޔުމަކަށް ބަދަލެއް އައުމެއް ނެތި، އެ ކުންފުނިން ލޯނުގެ އިންޓަރެސްޓް އުނިކޮށްފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމުގައި ފާހަގަކުރުމަކީ، ޤާނޫނުއަސާސީގެ 20 ވަނަ މާއްދާގައިވާ ހަމަހަމަކަމުގެ އުޞޫލާ ޚިލާފު ކަމެއް ކަމުގައެވެ.

73. މި ނުކުތާގެ ރައްދުގައި މީރާގެ ފަރާތުން ބުނެފައިވަނީ، މިއީ މައިނަރ އިންޓަރނޭޝަނަލްގެ ފަރާތުން ޓްރައިބިއުނަލްގައްޔާއި ހައިކޯޓުގައި ފާހަގަކުރި ނުކުތާއެއް ނޫންކަމުގައެވެ. އަދި މިއީ ސުޕްރީމް ކޯޓުގެ މަރުހަލާގައި އަލަށް ފާހަގަކުރާ ނުކުތާއެއް ކަމުގައި ވުމުން މި ނުކުތާއަށް ގޮތެއް ކަނޑައެޅިގެންވާނެ ކަމުގައި އެ އިދާރާއިން ނުދެކޭ ކަމުގައެވެ. އަދި މިކަމަށް ސުޕްރީމް ކޯޓުގެ ޙުސައިން ރަޝީދު ވ. ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް [2021] SC 9741 މައްސަލަ ފަދަ މައްސަލަތަކުގައި ކަނޑައަޅާފައިވާ ކަމާގުޅޭ އުޞޫލުތަކުން ބާރު ލިބޭ ކަމުގައި މީރާގެ ފަރާތުން ފާހަގަ ކޮށްފައިވެއެވެ.

74. ދެ ފަރާތުންމެ މި ނުކުތާގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، ހައިކޯޓުގެ މަރުޙަލާގައި ޤާނޫނުއަސާސީގެ 20 ވަނަ މާއްދާއާ ޙަވާލާދީ ލޯނުގެ އިންޓަރެސްޓް އުނިކުރުމަށް މީރާއިން ހުއްދަ ދީފައިވާ ދިނުން، އެ އިދާރާއިން ފަހުން ބަދަލު ކުރުމަކީ ހަމަހަމަ ކަމުގެ އުޞޫލާ ޚިލާފު ކަމެއް ކަމުގައި، އަދި ކުރިން އެ އިދާރާއިން އިންޓަރެސްޓާމެދު ޢަމަލުކުރި ގޮތުގެ ސަބަބުން، އިންސާފުވެރިކަމާއެކު ޢަމަލުކުރެވޭނެ ކަމަށް އުންމީދު ކުރުމުގެ (Legitimate Expectation) އުސޫލާ ޚިލާފުކަމުގައި ފާހަގަކޮށް އެ މޭރުމުން ވާހަކަ ދައްކާފައިވާތީ ހައިކޯޓުގެ ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓުން ފެންނަން ނެތެވެ. ކަންމިހެން އޮތުމުން މި ނުކުތާއަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާއަށް ރިޢާޔަތްކޮށް މި ކޯޓުން ގޮތެއް ކަނޑައެޅިދާނެ ނުކުތާއެއް ކަމުގައި ނުދެކެމެވެ.

މައްސަލަ ނިންމަން ފެންނަ ގޮތް

75. މަތީގައި ބަހުސްކުރެވުނު ކަންކަމުގެ އަލީގައި، ހައިކޯޓުގެ ނަންބަރު 2021/HC-A/77 ޤަޟިއްޔާ އާއި އެ ކޯޓުގެ ނަންބަރު 2021/HC-A/78 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޤާނޫނީ އުސޫލުތަކާ އެއްގޮތަށް ކަމުގައި ނުވާތީ އެ ޤަޟިއްޔާގެ ޙުކުމް ބާޠިލުކޮށް މައްސަލަ ނިންމަން ފެނެއެވެ.

76. މީގެ އިތުރަށް މި މައްސަލައިގައި ހިމެނޭ ލޯނަކީ، ލޯނެއްކަން ނުވަތަ ނޫންކަމާމެދު ޓްރައިބިއުނަލް މަރުޙަލާގައި މައުޟޫޢީ ގޮތުން ބަހުސްކުރެވިފައިނުވާތީ އާއި، އެ ލޯނާމެދު މައުޟޫޢީ ގޮތުން ހައިކޯޓުން ގޮތް ނިންމާފައިވަނީ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ކަމުގައި ނުވާތީ، ސުޕްރީމް ކޯޓުގެ މަރުޙަލާގައި އެ ލޯނާމެދު މައުޟޫޢީ ގޮތުން ބަހުސްކޮށް، އެ ލޯނަކީ ޞައްޙަ ލޯނެއް ކަމުގައި ކަނޑައަޅައިދޭނެ ތަނެއް ނެތްކަމުގައި ކަނޑައަޅަން ވެސް ފެނެއެވެ.

77. މީގެ އިތުރުން، މައިނަރ އިންޓަރނޭޝަނަލް 2014 ވަނަ އަހަރު އޮޑިޓް ކުރުމަށް ފަހު، އެ ކުންފުނީގެ ފަރާތުން މީރާ އަށް އިތުރަށް ދެއްކުމަށް އަންގާފައިވާ ފައިސާއަކީ، ޞައްޙަ ނޫން އޮޑިޓް ނޯޓިހެއްގެ މައްޗަށް ކޮށްފައިވާ އޮޑިޓަށް ބިނާކޮށް ދެއްކުމަށް އަންގާފައިވާ ފައިސާއެއް ކަމުގައިވާތީ، އެ ފައިސާއަކީ އެ ކުންފުނީގެ ފަރާތުން ދައްކަންޖެހޭ ފައިސާއެއް ނޫން ކަމުގައްޔާއި، އަދި އެ އޮޑިޓާ ގުޅިގެން އެ ކުންފުނީގެ ފަރާތުން ދައްކާފައިވާ ފައިސާއަކީ، އެ ކުންފުންޏަށް މީރާއިން އަނބުރާ ރައްދު ކުރަންޖެހޭ ފައިސާއެއް ކަމުގައި ކަނޑައަޅަން ފެނެއެވެ.

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު

78. މި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު

79. މި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، މަތީގައި ބަޔާން ކުރެވުނު ސަބަބުތައް އެހެން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/77 ޤަޟިއްޔާ އާއި އެ ކޯޓުގެ ނަންބަރު 2021/HC-A/78 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޤާނޫނީ އުސޫލުތަކާ އެއްގޮތަށް ކަމުގައި ނުވާތީ އެ ޤަޟިއްޔާތަކުގެ ޙުކުމް ބާޠިލުކުރުމާއެކު، މައިނަރ އިންޓަރނޭޝަނަލް (ލަބުއާން) ލިމިޓެޑް 2014 ވަނަ އަހަރު އޮޑިޓް ކުރުމަށް ފަހު، އެ ކުންފުނީގެ ފަރާތުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އަށް އިތުރަށް ދެއްކުމަށް އަންގާފައިވާ ފައިސާއަކީ، ޞައްޙަ ނޫން އޮޑިޓް ނޯޓިހެއްގެ މައްޗަށް ކޮށްފައިވާ އޮޑިޓަށް ބިނާކޮށް ދެއްކުމަށް އަންގާފައިވާ ފައިސާއެއް ކަމުގައިވާތީ، އެ ފައިސާއަކީ އެ ކުންފުނީގެ ފަރާތުން ދައްކަންޖެހޭ ފައިސާއެއް ނޫން ކަމުގައްޔާއި، އަދި އެ އޮޑިޓާ ގުޅިގެން އެ ކުންފުނީގެ ފަރާތުން ދައްކާފައިވާ ފައިސާއަކީ، އެ ކުންފުންޏަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އިން އަނބުރާ ރައްދު ކުރަންޖެހޭ ފައިސާއެއް ކަމުގައި ކަނޑައަޅައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ: ޢާއިޝާ ޝުޖޫން މުޙައްމަދު މަޙާޒު ޢަލީ ޒާހިރު މުޙައްމަދު އިބްރާހީމް (ރިޔާސަތު)

1 ރެޖިސްޓްރީ ނަންބަރު LL06162

2 އޮޑިޓް ނޯޓިސް ނަންބަރު 1005220/NOTA-BPT/LBD/2017/12 (08 ޖޫން 2017)

3 އޮޑިޓް ނޯޓިސް ނަންބަރު 1005220/NOTA-BPT/LBD/2017/11(08 ޖޫން 2017)

4 ނަންބަރު AR-LBD/BPT/2017/054 އާއި ނަންބަރު AR-LBD/BPT/2017/034 އޮޑިޓް ރިޕޯޓު

5 މިއީ މައިނަރ އިންޓަރނޭޝަނަލް އިން ހުށަހަޅާފައިވާ "ނޯޓިސް އޮފް އޮބްޖެކްޝަން" (މީރާގެ 903 ވަނަ ފޯމު) ގައި އެ ކުންފުނިން ބަޔާންކޮށްފައިވާ ތާރީޚެވެ. އަދި މީރާއިން ދޫކޮށްފައިވާ އޮބްޖެކްޝަން ރިވިއު ރިޕޯޓްތަކުގައި، ޑޭޓް އޮފް އޮބްޖެކްޝަންގެ ގޮތުގައި ލިޔެފައިވަނީ 31 ޖުލައި 2017 އެވެ.

6 ޤާނޫނު ނަންބަރު 2011/4

7 2013/SC-A/44

8 2020/SC-A/100

9 2020/SC-A/44

10 ފުޓްނޯޓް 7

11 ފުޓްނޯޓް 9

12 ފުޓްނޯޓް 7

13 2020/SC-A/83

14 2020/SC-A/08, 2020/SC-A/09, 2020/SC-A/110

15 މިއީ މައިގަނޑު ގޮތެއްގައި އިސްތިއުނާފީ 5 ވަނަ ނުކުތާ އާއި 06 ވަނަ ނުކުތާގެ ރައްދުގައި މީރާގެ ފަރާތުން ފާހަގަ ކުރާ ކަންކަމެވެ.

16 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/77 އަދި 2021/SC-A/78 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 22.6 އަދި 22.7 ވަނަ ނުކުތާ. ޞަފްޙާ ނަންބަރު 20.

17 މި މާއްދާގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ.

"(ހ) އެމް.އައި.އާރް.އޭ އަށް، މި މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން، ކޮންމެ މީހަކަށްވެސް އަންގާ އެންގުމަކުން، އެ އެންގުމުގައި ކަނޑައެޅި ބަޔާންކުރެވިފައިވާ ޓެކްސް އަހަރު ނުވަތަ އަހަރުތަކެއްގައި އެމީހެއްގެ ޓެކްސްގެ ކަންތައްތަކަށް ބަލަން ގަސްތުކުރާކަމާއި، މި ބެލުމުގެ މަޤްޞަދަކީ އެ ބުނެވިފައިވާ އަހަރުތަކުގައި އެމީހެއްގެ ޓެކްސް ބިނާކުރެވޭ ފައިދާ ނުވަތަ ގެއްލުން އަދި ބިނާކުރެވުނު ޓެކްސް ސާފުކުރުންކަމުގައި ބަޔާންކޮށް، އެންގިދާނެއެވެ. އަދި މިފަދަ އެންގުންތަކަށް، މި ޤާނޫނުގައި ނިސްބަތްކުރާނީ، "ޓެކްސް ދައްކަންޖެހޭ މިންވަރު ބަލާކަން އަންގާ އެންގުން" މިގޮތަށެވެ."

18 މި މާއްދާގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ.

"(ހ) މި މާއްދާ ރައްދުވާނީ، އެއްވެސް ޓެކްސް އަހަރަކާމެދު ("ޚިލާފުވި އަހަރު") އެއްވެސް މީހަކަށް ("ޚިލާފުވި މީހާ") ޓެކްސް ދައްކަންޖެހޭ މިންވަރު ބަލާކަން އަންގާ އެންގުމެއް އަންގާފައިވާނަމައެވެ. އަދި މި މާއްދާގެ ދަށުން ނިންމާ ނިންމުމަކަށް ނިސްބަތްކުރާނީ "އެމް.އައި.އާރް.އޭ ގެ ބިނާކުރުން" މިހެންނެވެ."

19 މި މާއްދާގެ (ރ) ގައި އޮތީ، "ޓެކްސް އަހަރެއްގެ ޓެކްސް ބަޔާނެއް މީހަކު ހުށަހަޅާފައިނުވާ ނަމަ، އެމް.އައި.އާރް.އޭ އިން އެ މީހަަށް ކޮންމެ ވަގުތެއްގައި ވެސް ޓެކްސް ދައްކަންޖެހޭ މިންވަރު ބަލާކަން އަންގާ އެންގުމެއް ފޮނުވިދާނެއެވެ." މި ފަދައިންނެވެ.

20 2021/SC-A/105

21 ހައިކޯޓުގެ ނިންމުމުގެ 22.7 ވަނަ ޕެރެގްރާފު

22 އިސްތިއުނާފީ 4 ވަނަ ނުކުތާ

23 ފުޓްނޯޓު 19

24 ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އަދި އިތުރު ފަރާތެއް، [2022] SC 15 ޤަޟިއްޔާގެ 19 ވަނަ ޕެރެގްރާފް، ޞަފްޙާ 8.

25 ފުޓްނޯޓު 19

26 ހައިކޯޓުގެ ނަންބަރު 2021/HC-A/77,78 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 22.4 ވަނަ ނުކުތާ. ޞަފުޙާ 19.

27 މާނަ ކުރުމުގެ ހަމަތައް ބަޔާންކުރާ ޤާނޫނުގެ 13 ވަނަ މާއްދާ

28 މާނަ ކުރުމުގު ހަމަތައް ބަޔާންކުރާ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ)

29 އޮޑިޓް ނޯޓިސް ނަންބަރު 1005220/NOTA-BPT/LBD/2017/11 (08 ޖޫން 2017) އާއި ނަންބަރު

1005220/NOTA-BPT/LBD/2017/12 (08 ޖޫން 2017)

30 ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް ގެނެވުނު ފުރަތަމަ އިޞްލާޙުގައި އެ ޤާނޫނުގެ 23 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ.

"ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ފަރާތަކުން ޓެކްސް ބަޔާނެއް ހުށަހަޅާފައިނުވާނަމަ، ކޮންމެ ވަގުތެއްގައިވެސް ޓެކްސް ދައްކަންޖެހޭ މިންވަރު ބަލާކަން އަންގާ އެންގުމެއް އެ ފަރާތަކަށް ފޮނުވިދާނެއެވެ."

31 2020/SC-A/100

32 ފުޓްނޯޓު 28

33 ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި 20 ސެޕްޓެންބަރު 2021 ވަނަ ދުވަހު ބޭއްވުނު ޝަރީޢަތުގެ އަޑުއެހުމުގައި މީރާގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މަޙްޟަރު ބަޔާން. ޞަފްޙާ 52 އިން 83 ގެ ނިޔަލަށް.

34 ފުޓްނޯޓް 28، އަދި ހަމަ މި އުޞޫލު ސުޕްރީމް ކޯޓުގެ މުޙައްމަދު ވިސާމް[2023] SC 40 މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔުގެ 44 ވަނަ ޕެރެގްރާފުގައި ބަޔާންކޮށްފައިވެއެވެ.

35 ފުޓްނޯޓް 9

36 ޤާނޫނު ނަންބަރު 2010/3

37 2017/SC-A/23

38 ފުޓްނޯޓް 9

39 އބމ

40 ފުޓްނޯޓް 13

41 2020/SC-A/71

2022/SC-A/13 [2023] SC 45

2019/SC-A/300 [2021] SC 778

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ