ބަނީ ހޯލްޑިންގްސް (ބީ.ވީ.އައި) ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- 2020/HC-A/13، 2020/HC-A/14
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ޓެކްސް އެޕީލް ޓްރައިބިއުނަލުން މީރާގެ ނިންމުން ބާޠިލުކޮށް، ޓީ.ޖީ.އެސް.ޓީ ޤާނޫނު ހިނގި ދުވަސްވަރުގެ މުޢާމަލާތަށް އެ ޤާނޫނުގެ ދަށުން އަލުން ކަނޑައަޅަން އެންގިއެވެ. ހައިކޯޓުން އަޣްލަބިއްޔަތުން ޓްރައިބިއުނަލްގެ ނިންމުން ބާޠިލުކޮށް، 02 އޮކްޓޫބަރު 2011 ގެ ފަހުގެ 10 މުޢާމަލާތަށް ޖީ.އެސް.ޓީ ދައްކަންޖެހޭކަމަށާއި އޯޑިޓް ނޯޓިސް ޤާނޫނާ އެއްގޮތަށް ފޮނުވާފައިވާކަމަށް ކަނޑައެޅިއެވެ.
- ވާޤިޢާ
- ސޮނެވާފުށި ރިޒޯޓުގެ ވޯޓާ ވިލާތައް ބަނީ ހޯލްޑިންގްސްއިން ސްޓްރާޓާ އުސޫލުން 35 އަހަރަށް ލީސްކުރި 11 މުޢާމަލާތަކަށް ޖީ.އެސް.ޓީ ދައްކަންޖެހޭކަމަށް ބުނެ، 2015 ގައި ފޮނުވި އޯޑިޓް ނޯޓިހެއްގެ ދަށުން ކުރި އޯޑިޓަކަށްފަހު މީރާއިން $1,317,552.56 ޖީ.އެސް.ޓީ ދައްކަން ކަނޑައެޅިއެވެ. އޮބްޖެކްޝަން ރިވިއުގައި މީރާގެ ނިންމުން ބަދަލު ނުކުރެއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ސްޓްރާޓާ އުސޫލުން ޓޫރިސްޓް ރިޒޯޓެއްގެ ވިލާތައް ދިގު މުއްދަތަށް ލީސްކުރުމުގެ މުޢާމަލާތްތަކަކީ ޖީ.އެސް.ޓީ ޤާނޫނުގެ 3 ވަނަ މާއްދާގެ (ށ) ގެ ދަށުން ޖީ.އެސް.ޓީ އިން އިސްތިސްނާވާ މުޢާމަލާތްތަކެއްތޯ؛ އަދި މީރާގެ އޯޑިޓް ނޯޓިސް ފޮނުވާފައިވަނީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގައިވާ މުއްދަތުގެ ތެރޭގައި ޤާނޫނާ އެއްގޮތަށްތޯ، ހައިކޯޓުން ގޯހެއް ހަދާފައިވޭތޯ އަދި އިޝޫ އެސްޓޮޕަލްގެ މަބްދައު ތަޠްބީޤުވާނެތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ބަނީ ހޯލްޑިންގްސްއިން ބުނީ މުޢާމަލާތްތަކަކީ ޤާނޫނެއްގެ ދަށުން ލިބިދޭ ޙައްޤު އަދި ނުއުފުލޭ މުދާ ކަމުން 3 (ށ) ގެ ދަށުން އިސްތިސްނާވާ ކަމަށާއި، އޯޑިޓް ނޯޓިސްގައި ޤާނޫނު ބަޔާންކުރަންޖެހޭ ކަމަށާއި، 2 އަހަރުގެ މުއްދަތު ފަހަނައަޅާފައިވާ ކަމަށާއި، ހައިކޯޓު އައު ހެއްކަށް ބަރޯސާވި ކަމަށާއި، އިޝޫ އެސްޓޮޕަލް ހިނގާނެ ކަމަށެވެ. މީރާއިން ބުނީ 15 (ރ) ގެ ދަށުން ޓެކްސް ނެގޭނެ ކަމަށާއި، 2013 ގައި އޯޑިޓް ނޯޓިހެއް ފޮނުވައި 2015 ގައި މުއްދަތު އިތުރުކުރި ކަމަށާއި، ޤާނޫނު ތަފާތުވާތީ އިޝޫ އެސްޓޮޕަލް ނުހިނގާނެ ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ސްޓްރާޓާ ވިލާ ލީސްތަކުން ބަދަލުވަނީ ޤަވާއިދެއްގެ ދަށުން ލިބިދޭ ޙައްޤާއި މަޞްލަޙަތު ކަމުން 3 (ށ) (1) ގެ ދަށުން އިސްތިސްނާވާތީ ޖީ.އެސް.ޓީ ނުނެގޭނެއެވެ. އޯޑިޓް ނޯޓިސްގައި ޤާނޫނާއި މާއްދާ ބަޔާންކުރަންޖެހޭއިރު، މީރާއަށް ނޯޓިހުގެ މުއްދަތު އިތުރު ނުކުރެވޭތީ ނޯޓިސް ތާރީޚަކީ 11 ފެބުރުއަރީ 2015 ކަމުން، 30 (ށ) ގެ 2 އަހަރު ހަމަނުވާ މުޢާމަލާތަށް ނޫނީ ނޯޓިސްގެ ބާރު ނުފޯރާނެއެވެ. ބަލަންޖެހޭ ޤާނޫނު ތަފާތުވާތީ އިޝޫ އެސްޓޮޕަލް ނުހިނގައެވެ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުހައިކޯޓުގެ ޙުކުމް ބާޠިލު
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ޤާނޫނުއަސާސީގެ 274 ވަނަ މާއްދާގެ (ހ) ގެ މާނައިގައި ޤާނޫނުން ބާރުލިބިގެން ހަދާ ޤަވާޢިދުތަކަކީވެސް 'ޤާނޫނު' ކަމުން، ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުގެ ދަށުން ހަދާފައިވާ 'ޓޫރިސްޓް ރިޒޯޓުތަކާގުޅޭ ޙައްޤުތައް ބަދަލުކުރުމުގެ ޤަވާއިދު' ގެ ދަށުން ސްޓްރާޓާ އުސޫލުން ވިލާ ލީސްކުރުމުން ލިބިދޭ ޙައްޤުތަކަކީ ޤާނޫނެއްގެ ދަށުން ލިބިދޭ ޙައްޤުތަކެކެވެ.
HN2 ޖީ.އެސް.ޓީ ޤާނޫނުގެ 3 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ބާވަތްތަކުގެ މުދަލަކީ އެ ޤާނޫނުގެ ދަށުން ޓެކްސް ނެގުމުގެ ބޭނުމަށް އިސްތިސްނާކޮށްފައިވާ މުދާ ކަމުން، އެ ޤާނޫނު ކިޔައި މާނަކޮށް ތަޠްބީޤުކުރުމުގައި އެފަދަ މުދަލަކީ އެ ޤާނޫނުގެ ތަރަހައިގެ ތެރޭގައި ހިމެނޭ މުދާކަމުގައި ނުބެލޭނެއެވެ.
HN3 15 ވަނަ މާއްދާގެ (ރ) ގައި ރިޒޯޓުގެ ކޮޓަރި ނުވަތަ ވިލާ ވަކި މުއްދަތަކަށް ދޫކުރުމުގެ މުޢާމަލާތް ހިމެނުނު ނަމަވެސް، ޓޫރިސްޓް ރިޒޯޓުތަކާގުޅޭ ޙައްޤުތައް ބަދަލުކުރުމުގެ ޤަވާއިދުގެ ދަށުން ސްޓްރާޓާ އުސޫލުން ވިލާ ކުއްޔަށްދިނުމުގެ މުޢާމަލާތްތަކަކީ ޖީ.އެސް.ޓީ ޤާނޫނުގެ 3 ވަނަ މާއްދާގެ (ށ) ގެ (1) ގައިވާ ފަދަ ޤާނޫނެއް ނުވަތަ ކޮންޓްރެކްޓެއްގެ ދަށުން ލިބިދޭ ޙައްޤެއް ނުވަތަ މަޞްލަޙަތެއް ކަމުން ޖީ.އެސް.ޓީ އިން އިސްތިސްނާވާ މުޢާމަލާތްތަކެކެވެ؛ އެ މުޢާމަލާތްތަކަށް ޓެކްސް ނެގުމަކީ ޤާނޫނުން ދީފައިވާ އިސްތިސްނާގެ މަންފާއިން މަޙްރޫމްކުރުމެވެ.)
HN4 މުދަލާއި މިލްކުވެރިކަމަކީ ތަފާތު ދެ މަފްހޫމެވެ. ރިޒޯޓެއްގެ ވިލާތައް ދިގު މުއްދަތަށް ކުއްޔަށްދިނުމުގެ މުޢާމަލާތަކީ ނުއުފުލޭ މުދަލާ ގުޅޭ މުޢާމަލާތެއް ނަމަވެސް، އޭގައި ބަދަލުކުރެވެނީ ނުއުފުލޭ މުދަލެއްގެ މައްޗަށް އޮތް ވަކި ބާވަތްތަކެއްގެ މިލްކުވެރިކަމުގެ ޙައްޤާއި މަޞްލަޙަތު ކަމުން، އެއީ ނުއުފުލޭ މުދާ ބަދަލުކުރުމެއް ނުވަތަ ވިއްކުމެއް ނޫނެވެ (ޖީ.އެސް.ޓީ ޤާނޫނުގެ 3 (ށ) (2) ގެ ދަށަށް ނުވަދެއެވެ).
HN5 ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަކީ ޓެކުހާގުޅޭ އިޖުރާއީ އަދި އިދާރީ ޤާނޫނެއް ކަމުގައި ވެފައި، ޓީ.ޖީ.އެސް.ޓީ ޤާނޫނާއި ޖީ.އެސް.ޓީ ޤާނޫނަކީ މައުޟޫޢީ ޤާނޫނުތަކެވެ. މައުޟޫޢީ ޤާނޫނެއްގައި އިޖުރާއަތު ބަޔާންކޮށްފައި ނުވާނަމަ ރުޖޫޢަވާންޖެހޭނީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް ނަމަވެސް، އެ ޤާނޫނުގެ އިޖުރާއަތާ އެއްގޮތަށް ޢަމަލުކުރުމުން މުޢާމަލާތް ހިނގިއިރު ވުޖޫދުގައި އޮތް މައުޟޫޢީ ޤާނޫނަށް ބަލަންޖެހޭ ހާލަތް ނެތިނުދެއެވެ؛ މުޢާމަލާތް ހިނގީ ކޮން މައުޟޫޢީ ޤާނޫނެއްގެ ދަށުންކަން މުހިންމު ނޫންކަމަށް ހައިކޯޓުން ކަނޑައެޅުމަކީ ޤާނޫނީ ގޮތުން ދެކޮޅު ނުޖެއްސޭ ވިސްނުމެކެވެ.
HN6 މައިނަރ އިންޓަރނޭޝަނަލް (ލަބުއާން) ލިމިޓެޑް ވ. މީރާ [2023] SC 45 ގައި ކަނޑައެޅި އުސޫލާ އެއްގޮތަށް، މީރާއިން އޯޑިޓް ނޯޓިސްއެއް ނެރޭނަމަ އެއީ ކޮން ޤާނޫނެއްގެ ކޮން މާއްދާއެއްގެ ކޮން އަކުރެއްގެ ދަށުން ނެރޭ ނޯޓިސްއެއްކަން ބަޔާންކުރަންވާނެއެވެ؛ ތަފާތު ޤާނޫނުތަކުގެ ދަށުން ހިނގި މުޢާމަލާތްތައް ހިމެނޭނަމަ ހަމައެކަނި ޖީ.އެސް.ޓީ ޤާނޫނަށް ހަވާލާދިނުމަކުން ނުފުދެއެވެ.)
HN7 އެކަށީގެންވާ މަސައްކަތެއް ކުރިނަމަ ދަށު މަރުޙަލާގައި ހުށަހެޅުމުގެ ފުރުޞަތު ލިބެން އޮތް ނަމަވެސް ހުށަނާޅާ އޮތް ލިޔުމަކީ، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް ވ. ސީ އެންޑް ސަން މޯލްޑިވްސް (2016/SC-A/18) ގައިވާ ގޮތުން، ހައިކޯޓަށް އައު ހެކި ހުށަހެޅުމުގެ ހުއްދަ ދެވޭނެ ހެއްކެއް ނޫނެވެ.
HN8 ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން ފޮނުވާ އޯޑިޓް ނޯޓިހެއްގެ މުއްދަތު އިތުރުކުރުމުގެ ޤާނޫނީ ބާރު މީރާއަށް ލިބިގެން ނުވެއެވެ؛ އަދި ނޯޓިސް އޮފް ޓެކްސް އެސެސްމަންޓާއި އޯޑިޓް ރިޕޯޓުގައި ހަވާލާދީފައިވާ އޯޑިޓް ނޯޓިހުގެ ތާރީޚަކީ މައްސަލައިގެ ބޭނުމަށް އޯޑިޓް ނޯޓިސް ފޮނުވި ތާރީޚެވެ.)
HN9 ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް ފުރަތަމަ އިޞްލާޙު ގެނައި ތާރީޚަކީ މީރާއަށް އޯޑިޓް ނޯޓިސް ނެރުމުގެ ބާރު ލިބުނު ދުވަސް ކަމުގައިވިޔަސް، އެއީ ނޯޓިސްގެ މުއްދަތު ހިސާބުކުރަން ފަށާ ދުވަހެއް ނޫނެވެ؛ މަކަރާއި ހީލަތް ނުވަތަ ގަސްތުގައި ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ޝައްކެއް ނެތް ހާލަތުގައި، 30 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުން ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ތާރީޚު ނުވަތަ ހުށަހެޅި ތާރީޚުން ފެށިގެން 2 އަހަރު ހަމަވުމުގެ ކުރިން އޯޑިޓް ނޯޓިސް ފޮނުވަންޖެހޭ ކަމުން، އެ މުއްދަތު ފަހަނައަޅާފައިވާ މުޢާމަލާތްތަކަށް ނޯޓިހުގެ އަސަރެއް ނުފޯރާނެއެވެ.)
HN10 ކުރީގެ މައްސަލައިގައި ގޮތް ކަނޑައެޅިފައިވަނީ ޓީ.ޖީ.އެސް.ޓީ ޤާނޫނުގެ ދަށުން ޓެކްސް ނެގުމާ ގުޅިގެން ކަމަށްވެފައި، ހިނގަމުންދާ މައްސަލައިގެ މުޢާމަލާތްތަކަށް ހިނގަނީ ޖީ.އެސް.ޓީ ޤާނޫނު ކަމުގައިވާނަމަ، ދެފަރާތަކީ އެއް ފަރާތްތަކަށްވެ ދެ މައްސަލައަކީވެސް ޓެކުހާބެހޭ މައްސަލަ ކަމުގައިވިޔަސް، ބަލަންޖެހޭ ޤާނޫނު ތަފާތުވާތީ އިޝޫ އެސްޓޮޕަލްގެ މަބްދައު ތަޠްބީޤު ނުކުރެވޭނެއެވެ.)
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޢަލީ ރަޝީދު ޙުސައިން (ރިޔާސަތު)، ޢާއިޝާ ޝުޖޫން މުޙައްމަދު، ޑރ. މުޙައްމަދު އިބްރާހީމް
- ރިޔާސަތު
- ޢަލީ ރަޝީދު ޙުސައިން
- ރައުޔު ލިޔުނު ފަނޑިޔާރު
- —
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ހުށަހެޅުނީ 22 ޑިސެމްބަރު 2022 · ރަޖިސްޓްރީކުރީ 17 ޖަނަވަރީ 2023 · ނިމުނީ 4 ނޮވެމްބަރު 2024 (21.6 މަސް)
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު [2024] SC 55 2023/SC-A/03 ޝަރީޢަތް ނިމުނުގޮތް ބަނީ ހޯލްޑިންގްސް (ބީ.ވީ.އައި) ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ފަނޑިޔާރުންގެ މަޖިލިސް ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް
ނިމުނު ތާރީޚު 04 ނޮވެމްބަރ 2024
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ 2020/HC-A/13 އިސްތިއުނާފު ރައްދުވާ ފަރާތް އިސްތިއުނާފުކުރާ ފަރާތް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ބަނީ ހޯލްޑިންގްސް (ބީ.ވީ.އައި) ލިމިޓެޑް ޤާނޫނީ ވަކީލު: މަރްޔަމް ޔާޝާ، ޑެޕިއުޓީ ޑިރެކްޓަރ ޤާނޫނީ ވަކީލު: ޢާއިޝަތު ހައިފާ، އެސްއެޗްސީ ލޯޔަރސް އެލްއެލްޕީ، މޫސާ ޢާލިމް، އެސްއެޗްސީ ލޯޔަރސް އެލްއެލްޕީ
ޓެކްސްއާގުޅޭ – އޯޑިޓް ރިޕޯޓު – ޖީ.އެސް.ޓީ ދައްކަންޖެހޭ މުޢާމަލާތް - ޖީ.އެސް.ޓީ ފައިސާ ދެއްކުމުން އިސްތިސްނާވާ މުޢާމަލާތް – މުޢާމަލާތްތަކުގެ ދަށުން އުފަންވާ ޙައްޤު – އޯޑިޓް ނޯޓިސް – އޯޑިޓް ނޯޓިސް ފޮނުވަންޖެހޭ މުއްދަތު – އިޝޫ އެސްޓޮޕަލް ތަޠްބީޤު ކުރުން - ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު
ފިހުރިސްތު
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު 2
ތަޢާރުފު 2
މައްސަލައިގެ ކަންހިނގާފައިވާ ގޮތް 2
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މަރުހަލާ 3
ދިވެހިރާއްޖޭގެ ހައިކޯޓު މަރުހަލާ 5
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ ނުކުތާތައް 7
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ގޮތް ކަނޑައަޅަންޖެހޭ ކަންކަން 9
މިއީ ޖީ.އެސް.ޓީ ފައިސާ ދެއްކުމުން އިސްތިސްނާވާ މުއާމަލާތެއްތަ؟ 9
މުޢާމަލާތްތަކުގެ ދަށުން އުފަންވާ ޙައްޤު ނުވަތަ މަޞްލަޙަތަކީ ޤާނޫނެއްގެ ނުވަތަ ކޮންޓްރެކްޓެއްގެ ދަށުން ލިބިދޭ ޙައްޤެއް ނުވަތަ މަޞްލަޙަތަކަށްވުން 11
ނުއުފުލޭ މުދާ 13
މުޢާމަލާތްތަކަށް ޓެކްސް ނެގޭނެތަ؟ 16
އޯޑިޓް ނޯޓިސް ފޮނުވާފައިވަނީ ޤާނޫނާ އެއްގޮތަށްކަން ނުވަތަ ނޫންކަން 18
ހައިކޯޓުން މައްސަލަ ނިންމުމުގައި ގޯހެއް ހަދާފައިވާކަން ނުވަތަ ނޫންކަން 21
ވާގިޔާތައް އޮޅިފައިވުން 22
އައު ހެކި ހުށަހެޅުން 22
އޯޑިޓް ނޯޓިސް ފޮނުވަންޖެހޭ މުއްދަތު ހިސާބުކުރާގޮތް 25
އިޝޫ އެސްޓްޕަލް ތަތުބީޤުކުރަންޖެހޭކަން ނުވަތަ ނޫންކަން 28
ނިންމަން ފެންނަ ގޮތް އަދި އެއިގެ ނަތީޖާ 29
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު 31
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު 32
ޙުކުމް 32
` ބަނީ ހޯލްޑިންގްސް (ބީވީއައި) ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ SC 55 [2024] ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު (ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި)
ތަޢާރުފު
1މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/13 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި ބަނީ ހޯލްޑިންގްސް (ބީ.ވީ.އައި) ލިމިޓެޑް 1 (މީގެ ފަހުން "އިސްތިއުނާފު ކުރާ ފަރާތް" ނުވަތަ "ބަނީ ހޯލްޑިންގްސް"( ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، މި ކޯޓުގެ ނަންބަރު 2023/SC-A/03 ޤަޟިއްޔާއިން ބެލި އިސްތިއުނާފީ މައްސަލައެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "މީރާ") ގެ މައްޗަށެވެ.
މައްސަލައިގެ ކަންހިނގާފައިވާ ގޮތް
2ބަނީ ހޯލްޑިންގްސްއިން ހިންގާ ޓޫރިސްޓް ރިޒޯޓެއްކަމުގައިވާ "ސޮނެވާފުށި ބައި ސިކްސް ސެންސަސް" (މީގެ ފަހުން "ސޮނެވާފުށި") ގެ ވޯޓާ ވިލާތަކެއް ބަނީ ހޯލްޑިންގްސްގެ ފަރާތުން 35 (ތިރީސް ފަހެއް) އަހަރު ދުވަހުގެ މުއްދަތަށް ލީސްކޮށްފައި ނުވަތަ ކުއްޔަށްދީފައި ވަނިކޮށް، ޤާނޫނު ނަންބަރު 2011/10 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) އާއި ޤަވާޢިދާ އެއްގޮތަށް މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ހިސާބުކޮށް ހަމައަށް ދައްކާފައިވޭތޯ ބެލުމަށް މީރާއިން 01 ޖުލައި 2011 އިން ފެށިގެން 31 ޑިސެންބަރު 2014 ގެ ނިޔަލަށް ސޮނެވާފުށި ރިޒޯޓު އޯޑިޓްކޮށްފައިވެއެވެ.
3މީރާއިން ކުރި މި އޯޑިޓުން ބަނީ ހޯލްޑިންގްސްއިން ހިންގާ ސޮނެވާފުށިން 01 ސެޕްޓެންބަރު 2011 އިން 30 ޖަނަވަރީ 2014 އާ ދެމެދު ހިންގާފައިވާ ވިލާ ލީސްގެ މުޢާމަލާތްތަކަކީ މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު (މީގެ ފަހުން "ޖީ.އެސް.ޓީ ޤާނޫނު") ގެ 15 ވަނަ މާއްދާގެ (ރ) ގެ ދަށުން ޖީ.އެސް.ޓީ ދައްކަންޖެހޭ މުޢާމަލާތެއްކަމަށާއި، އެ މުޢާމަލާތްތަކަށް ބަނީ ހޯލްޑިންގްސްގެ ފަރާތުން ޖީ.އެސް.ޓީ ދައްކާފައިނުވާކަމަށް ފާހަގަކޮށްފައިވެއެވެ. އަދި އޯޑިޓުން ފާހަގަކުރެވުނު ކަންކަމުގެ މައްޗަށް ބަލައި ޖީ.އެސް.ޓީގެ ގޮތުގައި $1,317,552.56 (އެއްމިލިއަން ތިންލައްކަ ސަތާރަހާސް ފައްސަތޭކަ ފަންސާސް ދެ އެމެރިކާ ޑޮލަރު ފަންސާސް ހަ ސެންޓް) ބަނީ ހޯލްޑިންގްސްގެ ފަރާތުން ދައްކަންޖެހޭކަމަށް ކަނޑައަޅައި، އޯޑިޓް ނޯޓިސް2 އެއް ފޮނުވައި، އޯޑިޓް ކުރުމަށްފަހު، ނޯޓިސް އޮފް ޓެކްސް އެސެސްމަންޓް3 އަކާއެކު ގުޑްސް އެންޑް ސަރވިސަސް ޓެކްސް އޯޑިޓް ރިޕޯޓް4 (މީގެ ފަހުން "ޖީ.އެސް.ޓީ އޯޑިޓް ރިޕޯޓް") އެއް މީރާއިން ބަނީ ހޯލްޑިންގްސްއަށް ފޮނުވިއެވެ.
4ބުނެވުނު ނޯޓިސް އޮފް ޓެކްސް އެސެސްމަންޓާއި ޖީ.އެސް.ޓީ އޯޑިޓް ރިޕޯޓަށް އިޢުތިރާޒްކޮށް، ބަނީ ހޯލްޑިންގްސްގެ ފަރާތުން ނޯޓިސް އޮފް އޮބްޖެކްޝަން5 އެއް މީރާއަށް ހުށަހެޅުމުން، ބަނީ ހޯލްޑިންގްސްގެ ފަރާތުން ހުށަހެޅި އިޢުތިރާޒާ ގުޅިގެން މީރާގެ ނިންމުމަށް ބަދަލުގެންނާނެ ތަނެއް ނެތްކަމުގައި 16 ޖޫން 2016 ގައި މީރާއިން ނިންމާފައިވެއެވެ.6
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މަރުހަލާ
5މީރާގެ ނޯޓިސް އޮފް ޓެކްސް އެސެސްމަންޓާއި ޖީ.އެސް.ޓީ އޯޑިޓް ރިޕޯޓް ގައި ބަނީ ހޯލްޑިންގްސްގެ ފަރާތުން މީރާއަށް ދެއްކުމަށް އެންގި ފައިސާއަށް އިޢުތިރާޒުކޮށް 16 ޖުލައި 2015 ގައި ބަނީ ހޯލްޑިންގްސްއިން ނޯޓިސް އޮފް އޮބްޖެކްޝަން ހުށަހެޅުމުންވެސް، މީރާގެ އޮބްޖެކްޝަން ރިވިއު ރިޕޯޓުގައި ބަނީ ހޯލްޑިންގްސްގެ ފަރާތުން ޖީ.އެސް.ޓީގެ ގޮތުގައި $1,294,985 (އެއް މިލިއަން ދެލައްކަ ނުވަދިހަ ހަތަރުހާސް ނުވަ ސަތޭކަ އަށްޑިހަ ފަހެއް އެމެރިކާ ޑޮލަރު) ދައްކަންޖެހޭކަމަށް ކަނޑައަޅާފައިވާތީ، އެ ފައިސާއަކީ ބަނީ ހޯލްޑިންގްސްގެ ފަރާތުން ދައްކަންޖެހޭ ފައިސާއެއް ނޫންކަމަށް ބުނެ، ޤާނޫނު ނަންބަރު 2010/3 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 44 ވަނަ މާއްދާގެ ދަށުން، ބަނީ ހޯލްޑިންގްސްގެ ފަރާތުން ޓެކްސް އެޕީލް ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅިއެވެ.
6މި މައްސަލަ ޓެކްސް އެޕީލް ޓްރައިބިއުނަލް (މީގެ ފަހުން "ޓްރައިބިއުނަލް") ގެ ނަންބަރު
TAT-CA-G/2016/006 މައްސަލައިގެ ގޮތުގައި ބަލައި، އެ ޓްރައިބިއުނަލުން ނިންމާފައިވަނީ ޤާނޫނު ނަންބަރު 19/2010 (ޓޫރިސްޓް ޚިދުމަތްދޭ ތަންތަނުން ވިއްކާ ތަކެއްޗާއި ދޭ ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) (މީގެ ފަހުން "ޓީ.ޖީ.އެސް.ޓީ ޤާނޫނު") އަށް ޢަމަލުކުރެވެމުން ދިޔަ ދުވަސްވަރު ހިނގާފައިވާ މުޢާމަލާތްތަކުން، ޓެކްސް ދައްކަންޖެހޭތޯ ކަނޑައެޅުމުގައި ބޭނުން ކުރަންޖެހޭނީ އޭރު ޢަމަލުކުރެވެމުން ދިޔަ ޤާނޫނު ކަމުގައިވާތީ، މީރާގެ ނިންމުން ބާޠިލުކުރުމަށް މައްސަލަ ބެލި މެންބަރުންގެ އިއްތިފާޤުން ކަނޑައަޅައި، މި އޮޑިޓާ ގުޅިގެން މީރާއިން ނަގާފައިވާ ޢަދަދު 30 (ތިރީސް) ދުވަހުގެ ތެރޭގައި ޤާނޫނުގައިވާ ގޮތުގެ މަތިން ބަނީ ހޯލްޑިންގްސްއަށް އަނބުރާ ރައްދުކުރުމަށާއި، 02 އޮކްޓޫބަރު 2011 ގެ ކުރިން ހިނގާފައިވާ މުޢާމަލާތްތަކާގުޅޭ ޓެކުހުގެ ޢަދަދު ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނާއި ޓީ.ޖީ.އެސް.ޓީ ޤާނޫނުގެ ދަށުން އަލުން ކަނޑައެޅުމަށް މީރާއަށް އަންގައެވެ.
7މިފަދައިން ޓްރައިބިއުނަލުން ނިންމާފައިވަނީ އަންނަނިވި ނުކުތާތަކުގެ މައްޗަށް ބިނާކޮށްކަން އެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުން އެނގެއެވެ.
7.1. ޖީ.އެސް.ޓީ ޤާނޫނުގެ 65 ވަނަ މާއްދާގައި މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ޢަމަލުކުރަން ފަށާ ދުވަހުން ފެށިގެން ޓީ.ޖީ.އެސް.ޓީ ޤާނޫނުގެ ދަށުން ހިނގަމުން އައި ޓެކްސް ނެގުމުގެ ނިޒާމު ޖީ.އެސް.ޓީ ޤާނޫނުގެ ދަށަށް ބަދަލުވެ، އެއީ ޖީ.އެސް.ޓީ ޤާނޫނުގެ ދަށުން ހިނގަމުންދާ ނިޒާމެއްކަމުގައި ހަމަޖެހޭނެކަމަށް އޮތުމުން އެކަމުން ކަށަވަރުކޮށްދެނީ (ޓެކްސް ނެގުމުގެ ކަންކަން) ޤާނޫނީ ހުސްކަމެއް އައުމެއް ނެތި، އެއް ޤާނޫނުން އަނެއް ޤާނޫނަށް ނަގުލު ކުރެވިފައިވާކަން ކަމުގައާއި، އޭގެ ސަބަބުން ކުރިން ޓެކްސް ނަގަމުން ގޮސްފައިވާ އަސާސްތައް ބަދަލުކޮށް ފަހުން އައި ޤާނޫނުގައި ހުރި އުސޫލުތަކާ އެއްގޮތަށް އެ ޤާނޫނު އައުމުގެ ކުރިން ހިނގާފައިވާ މުޢާމަލާތްތައް ހިސާބުކުރަން ނުޖެހޭނެކަމަށާއި، ޓޫރިސްޓު ޚިދުމަތްދޭ ތަންތަނުން ވިއްކާ ތަކެއްޗާއި ދޭ ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ޢަމަލުކުރެވެމުން ދިޔަ މުއްދަތުގައި ހިނގާފައިވާ މުޢާމަލާތްތަކުން ޓެކްސް ނެގުމުގައި ބޭނުންކުރަންވާނީ އެ ޤާނޫނުގައިވާ އުސޫލުތައްކަން.
7.2. މީރާއިން (މި މައްސަލައިގައި ހަވާލާދީފައިވާ) އޯޑިޓްކޮށްފައިވަނީ ޓީ.ޖީ.އެސް.ޓީ ޤާނޫނުގެ ދަށުން ނޫންކަމާއި، މި އޯޑިޓް ކޮށްފައިވަނީ ޖީ.އެސް.ޓީ ޤާނޫނުގެ ދަށުންކަން.
ދިވެހިރާއްޖޭގެ ހައިކޯޓު މަރުހަލާ
8ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނިންމުން ރަނގަޅު ނޫން ކަމަށް ބުނެ ބަނީ ހޯލްޑިންގްސް އާއި މީރާގެ ފަރާތުން އެ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން، ދެ މައްސަލަ އެކުގައި ހިންގައި،7 އެ ކޯޓުގެ ނަންބަރު 2020/HC-A/13,14 ޤަޟިއްޔާއިން ޓްރައިބިއުނަލްގެ (ނަންބަރު TAT-CA-G/2016/006 މައްސަލައިގެ) ނިންމުން ބާޠިލްކަމުގައި ކަނޑައެޅިއެވެ. އަދި މީރާއިން ފޮނުވާފައިވާ ނޯޓިސް އެފް ޓެކްސް އެސެސްމަންޓްއިން ބަނީ ހޯލްޑިންގްސްގެ ފަރާތުން ޖީ.އެސް.ޓީގެ ގޮތުގައި އިތުރަށް ދެއްކުމަށް އަންގާފައިވާ ފައިސާއަކީ ބަނީ ހޯލްޑިންގްސްއިން މީރާއަށް ދައްކަންޖެހޭ ފައިސާއެއްކަމަށް މީރާއިން ކަނޑައެޅި ކަނޑައެޅުން ރަނގަޅުކަމަށް މި މައްސަލަ ބެލި ފަނޑިޔާރުންގެ އަޣްލަބިއްޔަތުން ޙުކުމްކުރިއެވެ.
9އިސްވެ ބަޔާންކުރެވުނު ފަދައިން ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ އަންނަނިވި ނުކުތާގެ މައްޗަށް ބިނާކޮށްކަން އެ މައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުން އެނގެއެވެ.
9.1. 02 އޮކްޓޫބަރު 2011 ގެ ފަހުން، ޓޫރިޒަމް ދާއިރާއާ ގުޅޭ ޖީ.އެސް.ޓީގެ ހިސާބު ކިތާބު ބެލުމަށް ފޮނުވާ އޯޑިޓް ނޯޓިސްއަކާއި ގުޅިގެން، ސުވާލުކުރެވޭ އެ މުޢާމަލާތް ހިންގާފައިވަނީ ޓީ.ޖީ.އެސް.ޓީ ޤާނޫނު އޮތްއިރުތޯ ނުވަތަ ޖީ.އެސް.ޓީ ޤާނޫނު އޮތްއިރުތޯ ބެލުމުގެ ބަދަލުގައި ބަލަންޖެހެނީ، އެ ނޯޓިސް ފޮނުވާފައިވަނީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުންތޯ ނުވަތަ ނޫންތޯ ކަމަށާއި، ބަނީ ހޯލްޑިންގްސްއިން ސުވާލު އުފައްދާ މުޢާމަލާތާއި ގުޅިގެން އޯޑިޓް ނޯޓިސް ފޮނުވާފައިވަނީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުންކަން ނޯޓިސް އޮފް ޓެކްސް އެސެސްމަންޓްއިން އެނގޭކަން.
9.2. މި ޚުޞޫމާތުގައި ޖުމްލަ 11 މުޢާމަލާތް ހިމެނޭއިރު އޭގެ ތެރެއިން އެންމެ މުޢާމަލާތަކާއި ގުޅިގެން، މީރާގެ މުޅި ނިންމުން ބާޠިލްކޮށް އަލުން އޯޑިޓްކުރަން ޓްރައިބިއުނަލުން އެންގިއިރު، ބާކީ އޮތް 10 މުޢާމަލާތަކީ 02 އޮކްޓޫބަރު 2011 ގެ ފަހުން ކޮށްފައިވާ މުޢާމަލާތްތަކަށްވާއިރު، ޓްރައިބިއުނަލްގެ ނިންމުމުގައި އެ 10 މުޢާމަލާތާ މެދު ޢަމަލުކުރަންޖެހޭ ގޮތް ބަޔާންނުކޮށް މީރާގެ މުޅި ނިންމުން ބާޠިލްކޮށްފައިވަނީ ރަނގަޅަށް ނޫންކަން.
9.3. މި މައްސަލައިގައި ހިމެނޭ މުޢާމަލާތްތަކުގެ ތެރެއިން 02 އޮކްޓޫބަރު 2011 ގެ ކުރިން ކޮށްފައިވާ މުޢާމަލާތައް ޓީ.ޖީ.އެސް.ޓީ ޤާނޫނުގެ ދަށުން އަދި 02 އޮކްޓޫބަރު 2011 ގެ ފަހުން ކޮށްފައިވާ 10 ވިއްކުމުގެ މުޢާމަލާތަށް ޖީ.އެސް.ޓީ ޤާނޫނުގެ ދަށުން ދައުލަތަށް ޓެކްސް ދައްކަންޖެހޭކަން.
9.4. މި މުޢާމަލާތަކީ ނުއުފުލޭ މުދާ އޭގެޒާތުން މިލްކުވެރިކަން ބަދަލުކޮށް ވިއްކާ ވިއްކުމެއް ނޫން ކަމުން ނުއުފުލޭ މުދާ ވިއްކުމުގެ މާނައިގެ ތެރޭގައި މި މުޢާމަލާތް ނުހިމެނޭނެކަން.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ ނުކުތާތައް
10ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/13,14 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ބުނެ ބަނީ ހޯލްޑިންގްސްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އަންނަނިވި ސަބަބުތައް ހުށަހަޅާފައިވެއެވެ.
10.1. މީރާގެ އޯޑިޓް ނޯޓިސްގައި ބަނީ ހޯލްޑިންގްސްއިން ޖީ.އެސް.ޓީގެ ގޮތުގައި އިތުރަށް ދެއްކުމަށް އަންގާފައިވާ ފައިސާއަކީ ބަނީ ހޯލްޑިންގްސްއިން ދައްކަންޖެހޭ ފައިސާއެއް ކަމަށް މީރާއިން ކަނޑައެޅި ކަނޑައެޅުން ރަނގަޅު ކަމަށް ހައިކޯޓުން ނިންމާފައިވަނީ ޖީ.އެސް.ޓީ ޤާނޫނުގެ 15 ވަނަ މާއްދާގެ (ރ) ކޮޓަރި ކުއްޔަށްދޫކުރުމަށް އޮންނަ މަފްހޫމާއި ސްޓްރާޓާ އުސޫލުން ކޮޓަރި ވިއްކުމަށް ނުވަތަ "ލީޒް ހޯލްޑް ރައިޓްސް" ވިއްކުމަށް އޮންނަ މަފްހޫމު އޮޅޭގޮތަށް، އެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައިވާ، ޤާނޫނެއްގެ ދަށުން ނުވަތަ ކޮންޓްރެކްޓެއްގެ ދަށުން ލިބިދޭ ޙައްޤު ނުވަތަ މަސްލަހަތުގެ މައްޗަށް އޮތް އިސްތިސްނާ އިން މަޙްރޫމްވާ ގޮތަށްކަން.
10.2. މީރާގެ އޯޑިޓް ނޯޓިސްގައި ބަނީ ހޯލްޑިންގްސްއިން ޖީ.އެސް.ޓީގެ ގޮތުގައި އިތުރަށް ދެއްކުމަށް އަންގާފައިވާ ފައިސާއަކީ ބަނީ ހޯލްޑިންގްސްއިން ދައްކަންޖެހޭ ފައިސާއެއް ކަމަށް މީރާއިން ކަނޑައެޅި ކަނޑައެޅުން ރަނގަޅު ކަމަށް ހައިކޯޓުން ނިންމާފައިވަނީ ޖީ.އެސް.ޓީ ޤާނޫނުގެ 15 ވަނަ މާއްދާގެ (ރ) ގައި ކުއްޔަށް ދޫކުރާ ކޮޓަރިއާ ގުޅޭގޮތުން އަމަލުކުރަންޖެހޭ ގޮތާއި ސްޓްރާޓާ އުސޫލުން ކޮޓަރި ވިއްކުމަށް ނުވަތަ "ލީޒް ހޯލްޑް ރައިޓްސް" ވިއްކުމަށް އޮންނަ އުސޫލު އޮޅޭގޮތަށް، ޖީ.އެސް.ޓީ ޤާނޫނުގެ 3 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ނުއުފުލޭ މުދާ ވިއްކައިގެން ޖީ.އެސް.ޓީ ދައްކަން ނުޖެހޭ ކަމަށް އޮންނަ އޮތުމާ ޚިލާފަށްކަން.
10.3. މީރާގެ އޯޑިޓް ނޯޓިސް ފޮނުވާފައިވަނީ ޖީ.އެސް.ޓީ ޤާނޫނުގެ ދަށުން ނޫންކަމުގެ މައްޗަށް ބިނާކޮށް، އެ ނޯޓިސް ފޮނުވާފައިވަނީ ރަނގަޅަށް ކަމަށް ހައިކޯޓުން ކަނޑައަޅާފައިވާ ނަމަވެސް، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން ފޮނުވާ ކޮންމެ އޯޑިޓް ނޯޓިސްއެއްގައި އެއީ ކޮން ޤާނޫނެއްގެ ދަށުން ހިސާބުކުރި ޓެކްސްއާ ގުޅޭ ކަންކަން އޯޑިޓްކުރުންކަން ބަޔާންކުރާނެކަމާއި، އޯޑިޓް ނޯޓިސްގައި ބުނާ ޓެކުހެއް ބިނާކުރާ ޤާނޫނު ނޫން ޤާނޫނެއްގެ ދަށުން އެ ޓެކްސް އޯޑިޓްކުރުން ޞައްޙަވާނެ ތަނެއް ނެތްކަން.
10.4. 29 ޑިސެންބަރު 2011 ގައި ފާސްކުރެވުނު ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ 23 ވަނަ މާއްދާގެ (ށ) ގައި އޯޑިޓް ނޯޓިސް ފޮނުވުމަށް އޮންނަ ޙާލަތްތައް ދިމާވާ ތާރީޚުން ފެށިގެން 02 (ދޭއް) އަހަރުގެ ތެރޭގައި އޯޑިޓް ނޯޓިސް ފޮނުވަން އޮންނައިރު، އެއީ އެ ޤާނޫނަށް އައި އިޖުރާއީ ބަދަލެއް (procedural law) ކަމަށް ވުމުން، އެ އިޞްލާޙުގެ ކުރިން އޯޑިޓްކުރުމަށް މުއްދަތެއް އެ ޤާނޫނުގައި ނެތް ނަމަވެސް، އެ އިޞްލާޙުގެ ކުރީގެ ޓެކްސް ބަޔާންތައް ހުށަހަޅާތާ 02 (ދޭއް) އަހަރުގެ ތެރޭގައި އޯޑިޓް ނޯޓިސް ފޮނުވަންޖެހޭއިރު، އެކަމަށް ހައިކޯޓުން ރިޢާޔަތްކޮށްފައިނުވާކަން.
10.5. ހައިކޯޓުން މައްސަލަ ނިންމާފައިވަނީ ބަނީ ހޯލްޑިންގްސްއިން ހުށަހެޅި ވާޤިޢާތަކާއި މައްސަލައާ ގުޅުންހުރި ލިޔެކިޔުންތައް ރަނގަޅަށް ދިރާސާނުކޮށް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) ގެ ދަށުން ކަށަވަރުކޮށްދީފައިވާ ޢަދުލުވެރިކަމާއި ހާމަކަމާއެކު ޝަރީޢަތްކުރުމުގެ ޙައްޤާއި ފުށުއަރާގޮތަށް އަދި ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާ ޚިލާފަށްކަން.
10.6. ހައިކޯޓުގެ ނިންމުމުގެ އަޣްލަބިއްޔަތު ރައުޔަކީ އެ ކޯޓުގެ ނަންބަރު 2020/HC-A-02/01 (މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. ބަނީ ހޯލްޑިންގްސް (ބީ.ވީ.އައި) ލިމިޓެޑް) ޤަޟިއްޔާގެ އަޤައްލިއްޔާ (minority) ރަޢުޔުކަމަށްވީ ހިނދު، ހައިކޯޓުން މި މައްސަލައިގައި ހިމެނޭ މައުޟޫޢަށް ގޮތެއް ކަނޑައަޅާފައިވުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/25 ޤަޟިއްޔާ (ބަނީ ހޯލްޑިންގްސް (ބީވީ.އައި) ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ) ގައި ކަނޑައަޅާފައިވާ އިޝޫ އެސްޓޮޕަލްގެ މަފްހޫމާ ޚިލާފަށް ހައިކޯޓުން މައްސަލަ ނިންމާފައިވާކަން.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ގޮތް ކަނޑައަޅަންޖެހޭ ކަންކަން
11ބަނީ ހޯލްޑިންގްސްއިން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކަށް ބެލުމުން، މި ކޯޓުގެ ކުރިމަތީގައި އޮތް މައްސަލައިގައި ގޮތް ކަނޑައަޅަންޖެހޭ މައިގަނޑު ކަންކަމަކީ:
11.1. ބަނީ ހޯލްޑިންގްސްގެ ފަރާތުން އިސްތިއުނާފު ކޮށްފައިވާ، މި މައްސަލައިގައި ހަވާލާދީފައިވާ މުޢާމަލާތްތަކަކީ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ޖީ.އެސް.ޓީގެ ގޮތުގައި ފައިސާ ދެއްކުމުން އިސްތިސްނާވާ މުޢާމަލާތްތަކެއްކަން ނުވަތަ ނޫންކަން؛
11.2. މީރާއިން ބަނީ ހޯލްޑިންގްސްއަށް އޯޑިޓް ނޯޓިސް ފޮނުވާފައިވަނީ ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި، ޤާނޫނާ އެއްގޮތަށްކަން ނުވަތަ ނޫންކަން؛
11.3. ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމެވުމުގައި ގޯހެއް ހަދާފައިވާކަން ނުވަތަ ނޫންކަން؛ އަދި
11.4. މި މައްސަލައަށް އިޝޫ އެސްޓޮޕަލްގެ މަބްދައު ތަތުބީޤުކުރަންޖެހޭކަން ނުވަތަ ނޫންކަން، މިއެވެ.
މިއީ ޖީ.އެސް.ޓީ ފައިސާ ދެއްކުމުން އިސްތިސްނާވާ މުޢާމަލާތެއްތަ؟
1202 އޮކްޓޫބަރު 2011 ގައި އަމަލުކުރަން ފެށި ޖީ.އެސް.ޓީ ޤާނޫނުގައި، ދިވެހިރާއްޖޭގައި ވިއްކާ މުދަލާއި ދޭ ޚިދުމަތުގެ ތެރެއިން، އެ ޤާނޫނުގައި ޖީ.އެސް.ޓީ ނެގޭނެ ކަމަށް ބަޔާންކޮށްފައިވާ މުދަލާއި ޚިދުމަތުގެ އަގުން، އެ ޤާނޫނުގެ 15 ވަނަ މާއްދާއާއި 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އެ މިންވަރުތަކަށް، ޖީ.އެސް.ޓީ ނެގުމާއި ޖީ.އެސް.ޓީ ދެއްކުން ލާޒިމުކުރެއެވެ.8 މިގޮތުން އެ ޤާނޫނުގެ 15 ވަނަ މާއްދާގައި ބަޔާންކުރަނީ ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތްތަކުގެ ތެރެއިން ޖީ.އެސް.ޓީ ނެގޭ މުދަލާއި ޚިދުމަތްތަކާއި، ޖީ.އެސް.ޓީ ނަގާނެ މިންވަރެވެ. އަދި އެ ޤާނޫނުގެ 16 ވަނަ މާއްދާގައި ބަޔާންކުރަނީ ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތްތައް ފިޔަވައި އެ ނޫން ދާއިރާތަކުގައި ވިއްކާ މުދަލާއި ދޭ ޚިދުމަތުގެ އަގުން ޖީ.އެސް.ޓީ ނަގާނެ މިންވަރެވެ.
13ބަނީ ހޯލްޑިންގްސްއިން ދިގު މުއްދަތަށް ލީސްކޮށްފައި ނުވަތަ ކުއްޔަށްދީފައިވާ ވިލާތައް ކުއްޔަށްދިން އަގުން ޖީ.އެސް.ޓީ ދައްކަންޖެހޭ ކަމަށް މީރާއިން ބަޔާންކުރަނީ ޖީ.އެސް.ޓީ ޤާނޫނުގެ 15 ވަނަ މާއްދާގެ (ރ) އަށް ހަވާލާދީއެވެ. އެހެންކަމުން، 2015 ވަނަ އަހަރު މީރާއިން އޯޑިޓް ނޯޓިސް އަދި ޖީ.އެސް.ޓީ އޯޑިޓް ރިޕޯޓް ފޮނުވި އިރު ޖީ.އެސް.ޓީ ޤާނޫނުގެ 15 ވަނަ މާއްދާގެ (ރ) އޮތް ގޮތަށް ބަލާއިރު،9 އެ މާއްދާގައި އޮތީ އަންނަނިވި ފަދައިންނެވެ.
"ޓޫރިސްޓް ރިޒޯޓެއް ނުވަތަ ޓޫރިސްޓް ހޮޓަލެއް ނުވަތަ ޓޫރިސްޓް ގެސްޓްހައުސްއެއް ނުވަތަ ޕިކްނިކް އައިލެންޑެއް އެކުގައި ނުވަތަ އެއިން ތަނެއްގެ ވަކި ބައެއް ނުވަތަ ވަކި ކޮޓަރިތަކެއް ނުވަތަ ވަކި ގެއެއް ނުވަތަ ވަކި ކޮޓަރިއެއް ކަނޑައެޅޭ ވަކި މުއްދަތަކަށް، ކަނޑައެޅިފައިވާ އަގަކަށް ދޫކޮށްފައިވާނަމަ، އެ މުޢާމަލާތާ ގުޅޭގޮތުން ޖީ.އެސް.ޓީ ހިސާބުކުރާނީ އެގޮތުން ކަނޑައެޅިފައިވާ ޖުމްލަ އަގުގެ މައްޗަށް ބިނާކޮށެވެ."
14އެހެންނަމަވެސް، ބަނީ ހޯލްޑިންގްސްއިން ބުނާގޮތުން އެ ފަރާތުން ކޮށްފައިވާ މުޢާމަލާތްތަކަކީ ޖީ.އެސް.ޓީ ޤާނޫނުގެ 3 ވަނަ މާއްދާގެ (ށ) ގެ (1) އަދި (2) ވަނަ ނަންބަރުގެ ދަށުން ޖީ.އެސް.ޓީ ދެއްކުމުން އިސްތިސްނާވާ މުޢާމަލާތްތަކެކެވެ.
15ހައިކޯޓުގެ ކުރިމައްޗަށް މި ނުކުތާ ހުށަހަޅާފައިވާ ނަމަވެސް، މި ނުކުތާގައި ޓްރައިބިއުނަލްއިން ގޮތެއް ކަނޑައަޅާފައި ނުވާކަން ފާހަގަކުރުމަށްފަހު،10 02 އޮކްޓޫބަރު 2011 ގެ ފަހުން ކޮށްފައިވާ 10 (ދިހައެއް) މުޢާމަލާތްތަކަށް ޖީ.އެސް.ޓީ ޤާނޫނުގެ ދަށުން ޓެކްސް ދައްކަންޖެހޭނެ ކަމުގައި ކަނޑައަޅާފައިވެއެވެ.11
16އެހެންކަމުން، ބަނީ ހޯލްޑިންގްސްގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާއަށް ބިނާކޮށް، އެ ކުންފުނިން ކުއްޔަށްދީފައިވާ ވިލާތައް ކުއްޔަށް ދިން އަގުން ޖީ.އެސް.ޓީ ނުނެގޭނެކަމަށް އެ ކުންފުނިން ބުނާ ސަބަބުތަކަށް އަލިއަޅުވާލުމަށްފަހު، އެ މުޢާމަލާތްތަކުން ޓެކްސް ނެގޭނެކަން ނުވަތަ ނޫންކަމުގެ މައްޗަށް އަހުރެން ދެކޭގޮތް ބަޔާންކުރާނަމެވެ.
މުޢާމަލާތްތަކުގެ ދަށުން އުފަންވާ ޙައްޤު ނުވަތަ މަޞްލަޙަތަކީ ޤާނޫނެއްގެ ނުވަތަ ކޮންޓްރެކްޓެއްގެ ދަށުން ލިބިދޭ ޙައްޤެއް ނުވަތަ މަޞްލަޙަތަކަށްވުން
17ބަނީ ހޯލްޑިންގްސްގެ ފަރާތުން ކޮށްފައިވާ ވިލާ ކުއްޔަށް ދިނުމުގެ މުޢާމަލާތަކީ އެ ފަރާތުން ބުނާގޮތުން ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ގެ ދަށުން އެކުލަވާލައިފައިވާ "ޓޫރިސްޓް ރިޒޯޓުތަކާގުޅޭ ޙައްޤުތައް ބަދަލުކުރުމުގެ ޤަވާއިދު" ގެ 14 ވަނަ މާއްދާގެ ދަށުން، ޙައްޤުތަކެއް ދިނުމަށް ކޮށްފައިވާ މުޢާމަލާތްތަކެކެވެ.
18ޓޫރިސްޓް ރިޒޯޓުތަކާގުޅޭ ޙައްޤުތައް ބަދަލުކުރުމުގެ ޤަވާއިދަކީ ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުގެ 12 ވަނަ މާއްދާގެ ދަށުން، ދިވެހިރާއްޖޭގައި ޓޫރިސްޓް ރިޒޯޓުތައް ސަބްލީޒްކުރުމާއި، ރިޒޯޓް މެނޭޖްމަންޓް އެގްރީމަންޓް ކުރުމާއި، ލީސް ޓްރާންސްފަރ ކުރުމާއި، މޯގޭޖްކުރުމާއި، ހިއްސާ ބަދަލުކުރުމާއި، ސްޓްރާޓާ ޓައިޓްލް އުސޫލުން ވިލާ ނުވަތަ ކޮޓަރި ލީސްކުރުމާ ބެހޭގޮތުން ހަދާފައިވާ ޤަވާއިދެކެވެ.12 އެ ޤަވާއިދުގެ 14 ވަނަ މާއްދާއިން ފެށިގެން 26 ވަނަ މާއްދާއާދެމެދު13 ހިމަނާފައިވަނީ ސްޓްރާޓާ އުސޫލުން ވަކި ވިލާ ނުވަތަ ކޮޓަރި ލީސްކުރުމުގައި އަމަލުކުރަންޖެހޭ ގޮތެވެ.
19އެގޮތުން، އެ ޤަވާއިދުގައި ޓޫރިސްޓް ރިޒޯޓެއްގެ ވަކި ކޮޓަރިއެއް ނުވަތަ ވިލާއެއް ލީސްކުރެވިދާނެ (ނުވަތަ ކުއްޔަށް ދެވިދާނެ) ކަމުގައި ބަޔާންކޮށް،14 އެފަދައިން ލީސްކުރެވޭނީ ކޮން ފަރާތްތަކަކަށްކަމާއި،15 އެފަދަ މުޢާމަލާތެއް ކުރުމަށް ޓޫރިޒަމް މިނިސްޓްރީން ހުއްދަ ހޯދަންޖެހޭ ގޮތާއި،16 ވިލާ ލީސް އެގްރީމަންޓްގައި ހުންނަންޖެހޭ ޝަރުޠުތަކާއި،17 އެފަދައިން ދޭ ލީސް ރަޖިސްޓަރީ ކުރުމަށް ހުށަހެޅުމާއި،18 ލީސް ރަޖިސްޓްރީ ކުރިކަމުގެ ފީ އާއި ލިޔުމާގުޅޭ ކަންކަން،19 އަދި މިނޫންވެސް ތަފްސީލުތައް ހިމެނޭ މާއްދާތައް ހުރިކަން ފާހަގަވެއެވެ.
20HN1ބަނީ ހޯލްޑިންގްސްގެ ފަރާތުން ކޮށްފައިވާ ވިލާ ކުއްޔަށް ދިނުމުގެ މުޢާމަލާތްތަކަކީ ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުގެ ދަށުން އެކުލަވާލައިފައިވާ "ޓޫރިސްޓް ރިޒޯޓުތަކާގުޅޭ ޙައްޤުތައް ބަދަލުކުރުމުގެ ޤަވާއިދު" ގެ ދަށުން މެނުވީ ކުރެވޭނެ މުޢާމަލާތްތަކެއް ނޫނެވެ. އަދި ޖީ.އެސް.ޓީ ދައްކަންޖެހޭ ކަމަށް މީރާއިން ބަޔާންކުރާ މުޢާމަލާތްތަކަކީ ބަނީ ހޯލްޑިންގްސް އިން ދިގު މުއްދަތަށް ސްޓްރާޓާ ޓައިޓްލް އުސޫލުން ވިލާ ނުވަތަ ކޮޓަރި ލީސްކުރުމުގެ އޮނިގަނޑުގެ ތެރެއިން ކޮށްފައިވާ މުޢާމަލާތްތަކެއް ކަމާމެދު މީރާއިން އިންކާރު ނުކުރާހިނދު، މީރާއިން ތަކުރާރުކޮށް ބުނަނީ އެ މުޢާމަލާތްތަކަށް ޖީ.އެސް.ޓީ ޤާނޫނުގެ 15 ވަނަ މާއްދާގެ (ރ) ހިނގާނެ ކަމަށެވެ. މި މައްސަލައިގައި ހިމެނޭ ޚުޞޫމާތް އުފަންވަނީ މި ސަބަބަށްޓަކައެވެ.
21ބަނީ ހޯލްޑިންގްސްގެ ފަރާތުން ކޮށްފައިވާ މުޢާމަލާތްތަކުން ލިބިދޭ ޙައްޤުތަކަކީ ޤާނޫނެއްގެ20 ދަށުން ލިބިދޭ ޙައްޤުތަކެއް ކަމުގައި (އިސްވެ ބަޔާންކުރެވުނު ސަބަބުތަކަށްޓަކައި) އަހުރެން ދެކޭހިނދު، ޖީ.އެސް.ޓީ ޤާނޫނުގެ 15 ވަނަ މާއްދާއާ އަޅާ ބެލުމުން، ނިކުންނަ ނަތީޖާއަކީ ކޮބައިކަމުގެ މައްޗަށް އަހުރެން ދެކޭގޮތް، މި އިސްތިއުނާފީ ނުކުތާއާ ގުޅުންހުރި ކަންކަން ފާހަގަކުރުމަށްފަހު ބަޔާންކުރާނަމެވެ.
ނުއުފުލޭ މުދާ
222014 ވަނަ އަހަރު ޖީ.އެސް.ޓީ ޤާނޫނަށް ގެނައި ފުރަތަމަ އިޞްލާޙުގެ ކުރިން، އެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ށ) ގައި، ޖީ.އެސް.ޓީ ޤާނޫނުގައި ބުނާ (ޖީ.އެސް.ޓީ ނެގޭ) މުދަލުގެ ތެރޭގައި (1) ޤާނޫނެއްގެ ދަށުން ނުވަތަ ކޮންޓްރެކްޓެއްގެ ދަށުން ލިބިދޭ އެއްވެސް ޙައްޤެއް ނުވަތަ މަޞްލަޙަތެއް؛ (2) ނުއުފުލޭ މުދާ؛ އަދި (3) ފައިސާ ނުހިމެނޭ ކަމުގައި ބަޔާންކޮށްފައިވެއެވެ. އަދި 2014 ވަނަ އަހަރު އެ ޤާނޫނަށް ގެނައި އިޞްލާޙުން،21 އެ ޤާނޫނުގެ3 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ހިމަނާފައި އޮތް ނުއުފުލޭ މުދާ، އިސްތިސްނާވާ މުދަލުގެ ލިސްޓުން އުނިކޮށްފައިވެއެވެ.
23އެހެންކަމުން، ޖީ.އެސް.ޓީ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ފަހުން ނުއުފުލޭ މުދަލަކީ ޖީ.އެސް.ޓީ ޤާނޫނުގައި ބުނާ ޖީ.އެސް.ޓީ ނެގޭ މުދާތަކުގެ ތެރެއިން އިސްތިސްނާވާ މުދަލެއް ކަމުގައި ނުވާނަމަވެސް، އެ އިޞްލާޙު ގެނައުމުގެ ކުރިން ނުއުފުލޭ މުދަލަކީ ޖީ.އެސް.ޓީ ނެގޭ މުދާތަކުގެ ތެރެއިން އިސްތިސްނާވާ މުދަލެކެވެ.
24ކަން މިހެން އޮތުމުން، މީރާއިން އޯޑިޓްކުރުމަށް ފަހުގައި ޖީ.އެސް.ޓީ ދައްކާފައި ނުވާކަމަށް ޖީ.އެސް.ޓީ އޯޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ މުޢާމަލާތަކީ ކޮން ދުވަސްވަރެއްގައި ކޮށްފައިވާ މުޢާމަލާތްތަކެއް ކަމުގެ މައްޗަށް ބަލާއިރު، އެ މުޢާމަލާތްތައް ކޮށްފައިވަނީ 09 ސެޕްޓެމްބަރ 2011 އިން ފެށިގެން 22 ޖެނުއަރީ 2014 ގެ ނިޔަލަށްކަން މީރާގެ ޖީ.އެސް.ޓީ އޯޑިޓް ރިޕޯޓުން އެނގެން އޮވެއެވެ. އަދި އެހެންކަމުން، އެ މުޢާމަލާތްތަކަކީ ޖީ.އެސް.ޓީ ޤާނޫނަށް 02 އޮކްޓޯބަރު 2011 ގައި އަމަލުކުރަން ފެށުމުގެ ކުރިއްސުރެ ފެށިގެން،22 އެ ޤާނޫނަށް 06 ފެބުރުއަރީ 2014 ގައި ފުރަތަމަ އިޞްލާޙު ގެނައުމުގެ ކުރިން23 ކޮށްފައިވާ މުޢާމަލާތްތަކެއްކަން އެނގެއެވެ. މީގެ މާނައަކީ އެ މުޢާމަލާތްތަކަކީ ޤާނޫނަށް ގެނައި ބަދަލާއެކު ނުއުފުލޭ މުދަލުން ޖީ.އެސް.ޓީ ނަގަން މަގުފަހި ކުރުމުގެ ކުރިން ކޮށްފައިވާ މުޢާމަލާތްތަކެއް ކަމެވެ.
25ދެން އޮތް ސުވާލަކީ، މިއީ ނުފުލޭ މުދަލުން ކޮށްފައިވާ މުޢާމަލާތްތަކެއް ކަމާމެދު އުފެދޭ ސުވާލެވެ.
26HN4ދިވެހިރާއްޖޭގެ މުދަލާބެހޭ ޤާނޫނު ގަބޫލުކުރާގޮތުން މުދާ ބެހިގެންވަނީ މައިގަނޑު ދެ ބަޔަކަށެވެ. އެއީ މާއްދީ މުދަލާއި ޣައިރު މާއްދީ މުދާލެވެ. މި ދެ ބައިގެ ތެރެއިން މާއްދީ މުދައު ދެ ބަޔަކަށް ބެހި، އޭގެ ތެރޭގައި ހިމެނެނީ އުފުލޭ މުދަލާއި ނުއުފުލޭ މުދަލެވެ. ނުއުފުލޭ މުދަލުގެ ތެރޭގައި ހިމެނެނީ ބިމާއި ބިމުން ލިބޭ މަންފާތަކާއި، ދާއިމަށް ބިމާ ގުޅިފައިވާ ނުވަތަ ހަރުކޮށްފައިވާ ތަންތަނާއި ތަކެއްޗެވެ.24 އެހެންގޮތަކަށް ބުނާނަމަ، ހިފާގެންގުޅޭ ތަކެތީގެ ގޮތުގައި ނުހިމެނޭ، އާންމުކޮށް ނުވަތަ އެއްވެސް ގޮތަކަށް އެއްތަނުން އަނެއްތަނަށް ނުގެންދެވޭ ޒާތުގެ އަގުހުރި މުދަލެވެ. ބައެއް ވިޔަފާރިތަކުން މިބާވަތުގެ މުދަލަށް ޕްރޮޕަޓީ، ޕްލާންޓް އެންޑް އިކުއިޕްމަންޓް (ނުވަތަ ޕީ. ޕީ. އެންޑް އީ) ގެ ގޮތުގައިވެސް ހަވާލާދީ ހަދައެވެ.
27މި މައްސަލައިގައި ޓެކްސް ދައްކަންޖެހޭކަމަށް ކަނޑައަޅާފައިވަނީ ޓޫރިސްޓް ރިސޯޓެއްގައި އަޅާފައިވާ ވިލާތަކެއް އެކި ފަރާތްތަކަށް ދިގު މުއްދަތަށް ކުއްޔަށް ދިނުމުގެ މުޢާމަލާތްތަކުން ލިބުނު މަންފާއިންނެވެ. އެހެންކަމުން، މި މުޢާމަލާތްތަކުން ޖީ.އެސް.ޓީ ނެގުމަށް ނިންމާފައިވަނީ ދިވެހި ދައުލަތުން ޓޫރިސްޓް ރިޒޯޓު ހިންގުމަށްޓަކައި ދިގު މުއްދަތަކަށް ކުއްޔަށްދީފައިވާ ރަށެއްގައި ގާއިމުކޮށްފައިވާ ކޮޓަރިތަކުގެ ތެރެއިން ކޮޓަރިތަކެއްގެ މައްޗަށް އޮތް ޙައްޤުތަކަކާއި މަސްލަހަތުތަކެއް ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުގެ ތެރެއިން ކަނޑައެޅިފައިވާ ދިގު މުއްދަކަށް ބަދަލުކޮށްފައި ވުމުގެ މައްޗަށެވެ. އެހެންކަމުން، މިއީ ނުއުފުލޭ މުދަލެއްގެ މައްޗަށް އޮތް ޙައްޤާއި މަސްލަހަތާއި ގުޅޭ ކަމެއް ކަމުގައިވާ ހިނދު، މުދަލާއި މިލްކުވެރިކަމަކީ ތަފާތު ދެ މަފްހޫމެކެވެ.
28ޙައްވާ މުޙައްމަދު ވ. ހައްދުންމަތީ ފޮނަދޫ ކައުންސިލް އަދި ޙުސައިން މުޙައްމަދު [2023] SC 10 މައްސަލައިގައި މުދަލަކީ ކޮބައިކަން ބަޔާންކުރައްވަމުން ފަނޑިޔާރު ޙުސްނުއްސުޢޫދު ވިދާޅުވެފައިވެއެވެ.
"މުދަލެއްގެ ގޮތުގައި އެއްޗެއް ގިންތިކުރެވޭނީ މުދަލެއްގައި ހުންނަންޖެހޭ ވަކި އަސާސީ ސިފަތަކެއް އެ އެއްޗެއްގައި ހުރުމުންނެވެ. އެގޮތުން، އެ އެއްޗަކީ ފައިސާއިން އަގުކުރެވޭ އެއްޗަކަށް ވުމުގެ އިތުރުން، ބޭނުންވެއްޖެ ހާލަތެއްގައި އެ އެއްޗެއްގެ މިލްކުވެރިކަން އެކަކުގެ ކިބައިން އަނެކަކަށް ނަގުލުކުރެވިދާނެ އެއްޗަކަށް ވާންޖެހޭނެއެވެ. މާއްދީ މުދަލަކަށް ވިޔަސް އަދި ޣައިރު މާއްދީ މުދަލަކަށް ވިޔަސް އެ އެއްޗެއްގެ މިލްކުވެރިކަން އެކަކުގެ ކިބައިން އަނެކަކަށް ނަގުލުކުރެވޭނީ، ނަގުލުކުރެވޭ އެއްޗަކީ ކޮބައިކަން ނުވަތަ އެ އެއްޗެއްގެ މިންވަރު ނުވަތަ އެ އެއްޗެއްގެ ހިއްސާ ކަނޑައެޅިގެން އެނގޭނެ ގޮތަކަށް ހުރެމެ، އެ އެއްޗެއް ވަކިކޮށް އެހެން މީހަކަށް ނަގުލުކުރެވޭނެ ތަބީއަތު އެ އެއްޗެއްގައި ހުރިނަމައެވެ. ޓެކްނޮލޮޖީގެ ގޮތުން ކުރިއަރައި ތަރައްގީވުމުގެ ތެރެއިން އަލަށް އުފެދޭ އައު ބާވަތްތަކުގެ މުދަލުގައިވެސް، މުދަލަކަށް ވުމަށްޓަކައި އެ އެއްޗެއްގައި މި ބަޔާންކުރި ސިފަތައް ހުންނަންވާނެއެވެ."
29އަދި ހަމަ އެ މައްސަލައިގައި، މިލްކުވެރިކަމަކީ ކޮބައިކަން ބަޔާންކުރައްވަމުން ފަނޑިޔާރު ޙުސްނުއްސުޢޫދު އަންނަނިވި ފަދައިން ވިދާޅުވެފައިވެއެވެ.
"މުދަލާއި މިލްކުވެރިކަމާ މިއީ ވަރަށް އެއްގޮތް ސިފަތަކެއް ހުންނަ ދެ މަފްހޫމެވެ. މިލްކުވެރިކަމަކީ މުދަލެއްގެ މައްޗަށް މީހެއްގެ ވެރިކަން އޮވެ، އެ މުދަލަކުން ތަސައްރުފުކުރުމުގެ ބާރު އޭނާއަށް އޮތުމެވެ. މިލްކުވެރިކަމުގެ އެކިއެކި ދަރަޖަތައް ހުރެއެވެ. އަދި މިލްކުވެރިކަމުގެ އެކިއެކި ދަރަޖަތަކަށް ތަފާތު ނަންނަމުން މުޚާތަބުކުރެވި، އެ ދަރަޖަތަކުގެ ހައްގުތައް އެކަށައެޅި، އެއިން ކޮންމެ ދަރަޖައަކާ ގުޅިފައިވާ ހައްގުތަކުގެ އިން ކަނޑައެޅި ބަޔާންވެގެންވެއެވެ. އޭގެ ތެރޭގައި ފުރިހަމަ މިލްކުވެރިކަމާއި، އަތުގެވެރިކަމާއި، ކުއްޔަށްލިބިފައި އޮތުމާއި، ލިޔެދީފައި އޮތުމާއި، ހަވާލުކޮށްފައި އޮތުމާއި، ބޭނުންކުރުމުގެ ހައްގު އޮތުމާއި، ބޭނުންކޮށް މަންފާ ހޯދުމުގެ ހުއްދަ އޮތުން ހިމެނެއެވެ. ނަމަވެސް މިއިން އެއްވެސް ބާވަތެއްގެ މިލްކުވެރިކަމަކީ ނުވަތަ ހައްގަކީ ގައިދެއް ނެތި އަދި ވާޖިބުތަކަކާ ނުލައި ލިބިގެންވާ ހައްގުތަކެއް ނޫނެވެ. އެއީ ފުރިހަމަ މިލްކުވެރިކަމުގެ ނަމުގައި ލިބިގެންވާ މިލްކުވެރިކަމުގެ ހައްގުތައް ކަމުގައިވީ ނަމަވެހެވެ."
30މި މުޢާމަލާތްތަކަކީ ރިސޯޓެއްގައި އަޅާފައިވާ ވިލާތަކެއް އެކި ފަރާތްތަކަށް ދިގުމުއްދަތަށް ކުއްޔަށް ދިނުމުގެ މުޢާމަލާތްތަކެއް ކަމުގައިވާތީ، މިއީ ނުފުލޭ މުދަލާ ގުޅޭ މުޢާމަލާތެއް ކަމުގައި ވީނަމަވެސް، މި މުޢާމަލާތްތަކުގައި ބަދަލުކޮށްފައިވަނީ ނުވަތަ ވިއްކާފައިވަނީ ނުއުފުލޭ މުދާ ކަމުގައި އަހުރެންނަށް ނުފެނެއެވެ. އެހެނީ، މި މުޢާމަލާތްތަކުގައި ބަދަލުކޮށްފައިވަނީ ނުއުފުލޭ މުދަލެއްގެ މައްޗަށް އޮތް ވަކި ބާވަތްތަކެއްގެ މިލްކުވެރިކަމުގެ ޙައްޤާއި މަސްލަހަތު ކަމުގައިވާތީއެވެ.
މުޢާމަލާތްތަކަށް ޓެކްސް ނެގޭނެތަ؟
31HN3ޓެކްސް ނެގުމުގެ ބޭނުމަށްޓަކައި ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތް ކަމުގައި ބަލާނީ ކޮން ތަކެއްޗެއްކަން ނުވަތަ ކަންތައްތަކެއްކަން ތަފްސީލުކޮށް ބަޔާންކޮށްފައިވާ ޖީ.އެސް.ޓީ ޤާނޫނުގެ 15 ވަނަ މާއްދާގެ (ރ) ގައި، އެފަދަ މުދަލާއި ޚިދުމަތުގެ ތެރޭގައި ޓޫރިސްޓް ރިޒޯޓެއް އެކުގައި ނުވަތަ އެއިން ތަނެއްގެ ވަކި ބައެއް ނުވަތަ ވަކި ކޮޓަރިތަކެއް ނުވަތަ ވަކި ގެއެއް ނުވަތަ ވަކި ކޮޓަރިއެއް ކަނޑައެޅޭ ވަކި މުއްދަތަކަށް، ކަނޑައެޅިފައިވާ އަގަކަށް ދޫކޮށްފައިވާ މުޢާމަލާތްތައް ހިމެނޭ ކަމުގައި ސާފުކޮށް ބަޔާންކޮށްފައި ވަނިކޮށް، ބަނީ ހޯލްޑިންގްސްގެ ފަރާތުން ބަޔާންކުރާ ސަބަބުތަކަށްޓަކައި އެ މުޢާމަލާތްތަކަށް ޓެކްސް ފައިސާ ނުނެގޭނެ ކަމަށް ބެލިދާނެ ޤާނޫނީ ބިނާއެއް ވޭ ހެއްޔެވެ؟
32HN2މި ނުކުތާއަށް ގޮތް ކަނޑައެޅުމަށް ބަލާއިރު، ޖީ.އެސް.ޓީ ޤާނޫނުގެ 15 ވަނަ މާއްދާގައި ބަޔާންކުރަނީ ޓެކްސް ނެގުމުގެ ބޭނުމަށްޓަކައި ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތް ކަމުގައި ބަލާނެ ތަކެއްޗާއި ކަންކަން ކަމުގައިވެފައި، ޖީ.އެސް.ޓީ ޤާނޫނުގެ 3 ވަނަ މާއްދާގެ (ހ) ގައި "... ޤާނޫނުގެ ބޭނުމަށްޓަކައި މުދާ ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި ހިންގާ ވިޔަފާރިއަކުން ވިއްކާ މުދަލަށް ނުވަތަ ތަކެއްޗަ]ށް[" ކަމުގައި ބަޔާންކޮށް، ޖީ.އެސް.ޓީ ޤާނޫނުގެ 3 ވަނަ މާއްދާގެ (ށ) ގައި، އެ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މާނަކުރުމުގެ ތެރޭގައި، ޖީ.އެސް.ޓީ ޤާނޫނުގެ 3 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މުދާ ނުހިމެނޭނެ ކަމަށް ޤާނޫނުގައި އޮތުމުން، ޖީ.އެސް.ޓީ ޤާނޫނުގެ 3 ވަނަ މާއްދާގެ (ށ) ގެ ދަށުގައި ހިމަނާފައިވާ ބާވަތްތަކުގެ މުދަލަކީ އެ ޤާނޫނުގެ ދަށުން ޓެކްސް ނެގުމުގެ ބޭނުމަށްޓަކައި އެފަދަ މުދާތައް އިސްތިސްނާކޮށްފައިވާ މުދާކަން ސާފެވެ. އަދި ޖީ.އެސް.ޓީ ޤާނޫނުގެ 3 ވަނަ މާއްދާގެ (ށ) ގައި ހިމަނާފައިވާ މުދަލަކީ، އެ ޤާނޫނު ކިޔައި މާނަކޮށް ތަޠުބީޤުކޮށް އަމަލުކުރުމުގައި، އެ ޤާނޫނުގެ ތަރަހައިގެ ތެރޭގައި ހިމެނޭ މުދާކަމުގައި ބެލިގެން ނުވާނެކަމުގައި އަހުރެން ދެކެމެވެ.
33ޖީ.އެސް.ޓީ ޤާނޫނުގެ މާއްދާތަކުން ނިކުންނަ ނަތީޖާއަކީ މިއީކަމުން، މި މައްސަލައިގެ ޙަޤީޤަތްތައް އެ މާނަކުރުމަށް ތަޠުބީޤުކުރުމުން، ޖީ.އެސް.ޓީ ޤާނޫނުގެ ބޭނުމަށްޓަކައި ޓޫރިޒަމާބެހޭ ޤާނޫނުގެ ދަށުން އެކުލަވާލައިފައިވާ "ޓޫރިސްޓް ރިޒޯޓުތަކާގުޅޭ ޙައްޤުތައް ބަދަލުކުރުމުގެ ޤަވާއިދު" ގެ ދަށުން ބަނީ ހޯލްޑިންގްސްގެ ފަރާތުން ކޮށްފައިވާ ވިލާ ކުއްޔަށް ދިނުމުގެ މުޢާމަލާތްތަކަކީ ޖީ.އެސް.ޓީ ޤާނޫނުގެ 3 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޤާނޫނެއް ނުވަތަ ކޮންޓްރެކްޓެއްގެ ދަށުން ލިބިދޭ ޙައްޤެއް ނުވަތަ މަޞްލަޙަތެއް ކަމުގައި، އަދި އެ ސަބަބަށްޓަކައި، ޓެކްސް ނެގުމުގެ ބޭނުމަށްޓަކައި، އެ ޤާނޫނުގެ ދަށުން ޓެކްސް ނެގުމުން އިސްތިސްނާވާ މުޢާމަލާތްތަކެއް ކަމުގައި އަހުރެން ދެކެމެވެ. އަދި އެ މުޢާމަލާތްތަކަށް ޓެކްސް ދެއްކުމަށް ބަނީ ހޯލްޑިންގްސްއަށް މީރާއިން އަންގާފައިވަނީ ޤާނޫނުން ލިބިދީފައިވާ އިސްތިސްނާގެ މަންފާއިން ބަނީ ހޯލްޑިންގްސް މަޙްރޫމްވާ ގޮތަށްކަމުގައިވެސް ދެކެމެވެ.25
އޯޑިޓް ނޯޓިސް ފޮނުވާފައިވަނީ ޤާނޫނާ އެއްގޮތަށްކަން ނުވަތަ ނޫންކަން
34މީރާއިން ބަނީ ހޯލްޑިންގްސްއަށް ފޮނުވި އޯޑިޓް ނޯޓިސްގައި ބަޔާންކޮށްފައި އޮތީ ޖީ.އެސް.ޓީ ޤާނޫނާއި ޤަވާއިދު26ގެ ދަށުން ޤާނޫނާއި ޤަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ޓެކްސް ދައްކާފައިވޭތޯ ބެލުމަށް
01 ޖުލައި 2011 އިން ފެށިގެން 30 ސެޕްޓެންބަރު 2013 ގެ ނިޔަލަށް ހިނގި މުއްދަތު އޯޑިޓް ކުރާނެ ކަމުގައި ކަމަށްވާއިރު، އެ އޯޑިޓް ނޯޓިސްގައިވާ މުއްދަތުގެ ތެރެއިން 01 ޖުލައި 2011 އިން ފެށިގެން 02 އޮކްޓޯބަރު 2011 ގެ ނިޔަލަށް އޮތް މުއްދަތަކީ ޖީ.އެސް.ޓީ ޤާނޫނަށް އަމަލުކުރަން ފެށުމުގެ ކުރީގެ މުއްދަތެއް ކަމަށާއި، އެ މުއްދަތުގައި އަމަލުކުރަމުން ދިޔައީ ޓީ.ޖީ.އެސް.ޓީ ޤާނޫނަށް ކަމުގައިވާތީ، އެ މުއްދަތަކީ ޖީ.އެސް.ޓީ ޤާނޫނުގެ ދަށުން ޓެކްސް ނެގޭނެ މުއްދަތެއް ނޫންކަމުގައި ބަނީ ހޯލްޑިންގްސްއިން އިސްތިއުނާފުގައި ބަޔާންކޮށްފައިވެއެވެ.
35އެ ކުންފުނީގެ ފަރާތުން މި އިސްތިއުނާފީ ނުކުތާ ހުށަހަޅާފައިވަނީ ޓޫރިޒަމް ދާއިރާއާ ގުޅޭ ޖީ.އެސް.ޓީގެ ހިސާބު ބެލުމަށް ފޮނުވާ އޯޑިޓް ނޯޓިސްއާ ގުޅިގެން ބަލަންޖެހެނީ ސުވާލުކުރެވޭ އެ މުޢާމަލާތްތައް ހިނގާފައިވަނީ ޓީ.ޖީ.އެސް.ޓީ ޤާނޫނު އޮތްއިރުތޯ ނުވަތަ ޖީ.އެސް.ޓީ ޤާނޫނު އޮތްއިރުތޯ ނޫންކަމަށާއި، އެފަދަ މުޢާމަލާތްތަކާ ގުޅިގެން ބަލަންޖެހޭނީ އެ ނޯޓިސް ފޮނުވާފައިވަނީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުންކަން ނުވަތަ ނޫންކަން ކަމަށް ބަޔާންކޮށް، ސުވާލު އުފައްދާ މުޢާމަލާތްތަކާ ގުޅިގެން އޯޑިޓް ނޯޓިސް ފޮނުވާފައިވަނީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި، ޤާނޫނާ އެއްގޮތަށްކަން ނޯޓިސް އޮފް އެސެސްމަންޓްއިން އެނގެން އޮތުމުން، އަލުން އޯޑިޓްކުރަން ޖެހޭ ހާލަތެއް ނެތްކަމުގައި ހައިކޯޓުން ކަނޑައަޅާފައި ވުމުންނެވެ.
36ބަނީ ހޯލްޑިންގްސްއިން ހުށަހަޅާފައިވާ ގޮތުން، އޯޑިޓް ނޯޓިސް ފޮނުވާފައިވަނީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން ކަމުގައިވީނަމަވެސް، އެ މުޢާމަލާތްތަކަކީ އޯޑިޓް ނޯޓިސްގައި ބަޔާންކޮށްފައިވާ ޤާނޫނުގެ ދަށުން އޯޑިޓް ކުރެވޭނެ މުޢާމަލާތެއްކަން ހައިކޯޓުން ބަލަންޖެހޭކަމުގައެވެ. އަދި ޓްރައިބިއުނަލްގެ ނިންމުމުގައިވެސް ޓީ.ޖީ.އެސް.ޓީ ޤާނޫނަށް އަމަލުކުރަމުން ދިޔައިރު ހިނގާފައިވާ މުޢާމަލާތްތަކުން ޓެކްސް ދައްކަންޖެހޭތޯ ކަނޑައެޅުމުގައި ބަލަންޖެހޭނީ އެ ޤާނޫނަށް ކަމުގައި ބަޔާންކޮށް، މީރާގެ ނިންމުން ބާޠިލުކޮށްފައިވާ ކަމަށެވެ.
37މި އިސްތިއުނާފީ ނުކުތާއާ ގުޅިގެން މީރާއިން ހުށަހަޅާފައިވާ ކަންކަމަކީ ހައިކޯޓުގެ ނިންމުމުގައި ފަނޑިޔާރު މުޙައްމަދު ނިޔާޒުގެ ރައުޔުގައި ފާހަގަކުރައްވާފައިވާ ކަންކަމަށް ތާއީދުކޮށް އެކަން އޮންނަންޖެހޭނީ އެގޮތަށްކަމުގައި ބުނެ ހުށަހަޅާފައި ހުށަހެޅުންތަކެކެވެ.
38HN5މި ނުކުތާއާ ގުޅިގެން އެންމެ ފުރަތަމަ ކަމަކަށް އަހުރެން ފާހަގަކުރަން ބޭނުންވަނީ ޓެކުހާގުޅޭ އެކި ޤާނޫނުތަކުގެ ޠަބީޢަތަށެވެ. މިގޮތުން ޚުޞޫމާތް އުފެދިފައިވާ މުޢާމަލާތްތަކާ ގުޅިގެން ފާހަގަކޮށްފައިވާ 03 (ތިނެއް) ޤާނޫނު ކަމުގައިވާ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނާއި، ޓީ.ޖީ.އެސް.ޓީ ޤާނޫނާއި، ޖީ.އެސް.ޓީ ޤާނޫނަކީ އެއް ބާވަތެއްގެ ޤާނޫނުތަކެއް ނޫނެވެ.
39ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަކީ ދިވެހިރާއްޖޭގެ ޓެކްސް ނެގުމުގެ އިދާރީ އޮނިގަނޑު އެކުލަވާލައި، އެކަމަށް ޢަމަލުކުރަންޖެހޭ އުޞޫލުތައް ކަނޑައަޅާ ޤާނޫނެވެ.27 ޖީ.އެސް.ޓީ ޤާނޫނަށް އަމަލުކުރަން ފެށުމާއެކު އުވާލެވުނު28 ޓީ.ޖީ.އެސް.ޓީ ޤާނޫނަކީ ދިވެހިރާއްޖެ އަންނަ ޓޫރިސްޓުންނަށް ދިވެހިރާއްޖޭގެ ޓޫރިސްޓް ރިޒޯޓުތަކުންނާއި، ޓޫރިސްޓް ހޮޓާތަކުންނާއި، ގެސްޓް ހައުސްތަކުންނާއި، ޕިކްނިކް އައިލެންޑްތަކުންނާއި ޓޫރިސްޓް އުޅަނދުތަކުން ވިއްކާ ތަކެއްޗާއި ދޭ ޚިދުމަތްތަކުންނާއި ޓޫރިސްޓް ޚިދުމަތްދޭ ތަންތަނުން ޓޫރިސްޓުންނަށް ދިވެހިރާއްޖޭގައި ދެވޭ މިނޫންވެސް ބައެއް ޚިދުމަތްތަކުގެ އަގުން ދައުލަތަށް ޓެކްސް ނެގުމަށްޓަކައި ހެދުނު ޤާނޫނެކެވެ.29 އަދި ޖީ.އެސް.ޓީ ޤާނޫނަކީ ދިވެހިރާއްޖޭގައި ވިއްކާ މުދަލާއި ދޭ ޚިދުމަތުގެ އަގުން މި ޤާނޫނުގައިވާ ގޮތުގެމަތިން "ގުޑްސް އެންޑް ސަރވިސަސް ޓެކްސް" ނެގުމުގެ އުޞޫލުތައް ބަޔާންކުރުމުގެ ޤާނޫނެވެ.30
40ހަވާލާދީފައިވާ ކޮންމެ ޤާނޫނެއްގެ ތަޢާރަފަށް ބެލުމުން، އެ ޤާނޫނުގެ ތަބީޢަތް ސާފުވެއެވެ. ކުރުކޮށް ބުނާނަމަ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަކީ ޓެކުހާގުޅޭ އިޖުރާއީ (procedural) އަދި އިދާރީ (administrative) އޮނިގަނޑު އެކުލަވާލާ ޤާނޫނެވެ. ޓީ.ޖީ.އެސް.ޓީ ޤާނޫނަކީ އަދި ޖީ.އެސް.ޓީ ޤާނޫނަކީ ވަކި ބާވަތެއްގެ ޓެކްސް ނަގާނެ ހާލަތްތަކާއި މިންވަރު ބަޔާންކުރާ މައުޟޫޢީ (substantive) ޤާނޫނުތަކެކެވެ.
41އެހެންކަމުން، ޓީ.ޖީ.އެސް.ޓީ ޤާނޫނު ނުވަތަ ޖީ.އެސް.ޓީ ޤާނޫނުގެ ދަށުން ޓެކްސް ނަގާނަމަ ޓެކްސް ދައްކަންޖެހޭ ހާލަތްތަކާއި މިންވަރުތައް އެ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ ނަމަވެސް، އެއިން ޤާނޫނެއްގައި ކަމާގުޅޭ އިޖުރާއަތު ބަޔާންކޮށްފައި ނުވާ ހާލަތުގައި ރުޖޫޢަވާންޖެހޭނީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށެވެ. އެހެންނަމަވެސް، މީގެ މާނައަކީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގައިވާ އިޖުރާއަތާ އެއްގޮތަށް އަމަލުކޮށްފައިވުމުން ކަމާގުޅޭ މައުޟޫޢީ ޤާނޫނަށް ބަލަންޖެހޭ ހާލަތް ނެތިދިއުމެއް ނޫނެވެ.
42HN6މިސާލަކަށް، މި މައްސަލައިގައި ޚުޞޫމާތް އުފެދިފައިވާ 11 (އެގާރަ) މުޢާމަލާތުގެ ތެރެއިން 01 (އެކެއް) މުޢާމަލާތަކީ ޓީ.ޖީ.އެސް.ޓީ ޤާނޫނު ވުޖޫދުގައި އޮތް ދުވަސްވަރު ކޮށްފައިވާ މުޢާމަލާތެއް ކަމުގައިވާތީ، އެ މުޢާމަލާތް އޯޑިޓްކުރަން މީރާއިން އެދޭނަމަ ޓީ.ޖީ.އެސް.ޓީ ޤާނޫނަށް ހަވާލާދޭން ޖެހޭނެއެވެ. އަދި އެ މުޢާމަލާތްތަކާ ގުޅޭ އޯޑިޓް ނޯޓިސްގައި ހިމެނޭ ގިނަ މުޢާމަލާތްތަކަކީ ޖީ.އެސް.ޓީ ޤާނޫނުގެ ދަށުން ކޮށްފައިވާ މުޢާމަލާތްތަކެއް ކަމުގައިވާތީ، އެ ސަބަބަށްޓަކައި ނުވަތަ އެނޫންވެސް ސަބަބަކަށްޓަކައި، ހަމައެކަނި ޖީ.އެސް.ޓީ ޤާނޫނާއި ޤަވާއިދަށް ހަވާލާދިނުމަކުން ނުފުދެއެވެ. އެއީ އެފަދަ އޯޑިޓް ނޯޓިހަކީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއަތުގެ ތެރެއިން، އެ މުއްދަތުގައި ނެރެފައިވާ ނޯޓިހެއް ކަމުގައިވާ ނަމަވެސް މެއެވެ. މިކަން، މީގެ ކުރިން މި ކޯޓުން ނިންމާފައިވާ މައިނަރ އިންޓަރނޭޝަނަލް (ލަބުއާން) ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ [2023] SC 4531 މައްސަލައިގައި ބަޔާންކޮށް، މީރާއިން އޯޑިޓް ނޯޓިސްއެއް ނެރޭނަމަ، އެފަދަ އޯޑިޓް ނޯޓިސްއަކީ ކޮން ޤާނޫނެއްގެ ކޮން މާއްދާއެއްގެ ކޮން އަކުރެއްގެ ދަށުން ނެރެފައިވާ އޯޑިޓް ނޯޓިސްއެއްކަން ބަޔާންކުރަންޖެހޭނެ ކަމުގައި ކަނޑައަޅާފައިވެއެވެ.
43އެހެންކަމުން، ހައިކޯޓުގެ ނިންމުމުގައި އޯޑިޓް ނޯޓިސްއަކާ ގުޅިގެން ބަލާ ބެލުންތަކުގައި މުޢާމަލާތް ހިނގާފައިވަނީ މައުޟޫޢީ ކޮން ޤާނޫނެއްގެ ދަށުންކަން ނުވަތަ ކޮން ޤާނޫނެއް ވުޖޫދުގައި އޮތް ވަގުތެއްގައި ކަމީ މުހިންމުކަމެއް ނޫންކަމުގައާއި، މުޢާމަލާތަކާ ގުޅިގެން ބަލަންޖެހޭނީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން އެ ޤާނޫނާ އެއްގޮތަށް އަމަލުކޮށްފައިވާކަން ނުވަތަ ނޫންކަމުގައި ބަޔާންކޮށްފައިވަނީ ޓެކްސް ނިޒާމު ރޭވި ތަރުތީބުވެފައިވާ ގޮތާއި، އެ ނިޒާމުގެ ތެރޭގައި ހިމެނޭ އެކި އިޖުރާއީ އަދި މައުޟޫޢީ ޤާނޫނުތައް ފަރަގުކުރުމަކާއި ނުލައި، ޤާނޫނީ ގޮތުން ދެކޮޅު ނުޖެއްސޭ ވިސްނުމެއްގެ ތެރެއިން ކަމުގައި އަހުރެން ދެކެމެވެ.
ހައިކޯޓުން މައްސަލަ ނިންމުމުގައި ގޯހެއް ހަދާފައިވާކަން ނުވަތަ ނޫންކަން
44ބަނީ ހޯލްޑިންގްސްގެ ފަރާތުން މި ނުކުތާއާ ގުޅޭގޮތުން ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު:
44.1. މައްސަލައިގައި ހިމެނޭ މުޢާމަލާތްތަކުގެ ދަށުން ވިއްކާފައިވާ ވިލާތަކާ ގުޅޭ ވާޤިއާތައް ހައިކޯޓަށް އޮޅިފައިވާކަމަށާއި؛
44.2. ހައިކޯޓު މަރުޙަލާގައި އަލަށް ހުށަހަޅާފައިވާ ހެއްކަށް ބަރޯސާވެ، އެ ކޯޓުން މައްސަލަ ނިންމާފައިވާ ކަމަށާއި؛
44.3. ބަނީ ހޯލްޑިންގްސްގެ ފަރާތުން ޓެކްސް ބަޔާންތައް ހުށަހެޅި ތާރީޚުތަކަށް ބެލުމެއް ނެތި، އޯޑިޓް ނޯޓިސް ފޮނުވަންޖެހޭ މުއްދަތު ހިސާބުކުރުމުގެ ބޭނުމަށްޓަކައި މުއްދަތު ގުނަން ފަށަންޖެހޭނީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް ފުރަތަމަ އިޞްލާޙު ގެނެވުނު ތާރީޚުން ފެށިގެން ކަމުގައި ހައިކޯޓުން ކަނޑައަޅާފައިވާ ކަމަށް، އެ ކުންފުނީގެ ފަރާތުން ބުނެއެވެ.
45އެހެންކަމުން، މިއިން ކޮންމެ ހުށަހެޅުމަކާމެދު އަހުރެން ދެކޭގޮތް ވަކިން ބަޔާންކުރާނަމެވެ.
ވާގިޔާތައް އޮޅިފައިވުން
46ހައިކޯޓުގެ ނިންމުމުގެ އަޣްލަބިއްޔަތު ރައުޔުގައި ބަނީ ހޯލްޑީންގްސްގެ ފަރާތުން މާކްޓް އޯވަރވިއު ކިޔާ ކުންފުންޏަކަށް 35 (ތިރީސް ފަހެއް) އަހަރު ދުވަހުގެ މުއްދަތަށް ވޯޓާ ވިލާތަކެއް ލީސްކޮށްފައިވާކަމުގައި32 ބަޔާންކޮށްފައިވާ ހިނދު، މި މައްސަލައިގައި ހިމެނޭ 11 (އެގާރަ) މުޢާމަލާތުންކުރެ އެއްވެސް މުޢާމަލާތަކީ މާކްޓް އޯވަރވިއު އާއެކު ކޮށްފައިވާ މުޢާމަލާތެއް ނޫންކަމުގައި ބަނީ ހޯލްޑިންގްސްގެ ފަރާތުން ބަޔާންކުރެވެއެވެ. އަދި މި ނުކުތާއާ ގުޅިގެން، މި މައްސަލައިގައި ހިމެނެނީ 11 (އެގާރަ) މުޢާމަލާތެއްކަން ސާފުކޮށް ހައިކޯޓުގެ ރިޕޯޓުން33 އެނގެން އޮތްކަމުގައި މީރާގެ ފަރާތުން ފާހަގަކުރެއެވެ.
47ހައިކޯޓުގެ ރިޕޯޓަށް ބެލުމުން، މި ޚުޞޫމާތާ ގުޅިގެން 11 (އެގާރަ) މުޢާމަލާތެއް ހިނގާފައިވާކަން ސާފުވާން އޮތް ހިނދު، "މައްސަލައިގައި ކަންހިނގާފައިވާ ގޮތް" ބަޔާންކުރުމުގައި، މި ޚުޞޫމާތުގައި ހިމެނޭ މުޢާމަލާތްތަކަކީ މާކްޓް އޯވަރވިއު އެވެކިޔާ ކުންފުންޏަކާއެކު ކޮށްފައިވާ މުޢާމަލާތްތަކެއް ކަމުގައި ބަޔާންކޮށްފައިވެއެވެ. އެހެންކަމުން، މިއީ ލިޔުމުގެ ކުށެއްކަމުގައި ވުމުގެ އިހްތިމާލު އޮތް ހިނދު، މި މައްސަލައިގައި ހިމެނޭ މުޢާމަލާތްތަކަކީ އެކި ފަރާތްތަކާއެކު ކޮށްފައިވާ މުޢާމަލާތްތަކެއް ކަމުގައި ވުމުން، އެފަދަ ވާޤިއާތައް ނުއޮޅޭނެ ފަދައަކުން އަދި ސާފުކޮށް ބަޔާންކުރުމަށް ފަރުވާތެރިވާންޖެހޭ ކަމުގައި އަހުރެން ދެކެމެވެ.
އައު ހެކި ހުށަހެޅުން
48ބަނީ ހޯލްޑިންގްސްގެ ފަރާތުން ބުނާގޮތުގައި، މީރާގެ ފަރާތުން ފުރަތަމަ އޯޑިޓް ނޯޓިސް ނެރެފައިވަނީ 2013 ގައި ކަމަށް ބުނެ ހައިކޯޓުގައި ވާހަކަ ދައްކާފައިވާއިރު، އެ އޯޑިޓް ނޯޓިސް ބަނީ ހޯލްޑިންގްސްއަށް ރައްދުކޮށްފައިވާކަން ދައްކުވާދޭ އެއްވެސް ހެއްކެއް އެއްވެސް މަރުޙަލާއެއްގައި މީރާގެ ފަރާތުން ހުށަހަޅާފައި ނުވެއެވެ. އަދި އޯޑިޓް ނޯޓިސް ބަނީ ހޯލްޑިންގްސްއަށް ރައްދުވެފައިވާކަމާމެދު އެ ކުންފުނީގެ ފަރާތުން ޓްރައިބިއުނަލްގައިވެސް ސުވާލު އުފައްދާފައި ވުމުން، 2013 ވަނަ އަހަރު މީރާއިން އޯޑިޓް ނޯޓިހެއް ފޮނުވާފައިވާ ކަމުގައި، އަދި އެއީ ޤާނޫނުގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި ފޮނުވާފައިވާ ނޯޓިހެއްކަމުގައި ބަލައި، މައްސަލައިގައި ގޮތް ކަނޑައެޅުމަކީ އަދުލުވެރިގޮތެއް ނޫންކަމުގައި ބަނީ ހޯލްޑިންގްސްގެ ފަރާތުން ބުނެއެވެ. މީގެ އިތުރުން، 2015 ގައި މީރާއިން ފޮނުވި އޯޑިޓް ނޯޓިހަކީ މީރާއިން 2013 ގައި ފޮނުވިކަމަށް ބުނާ އޯޑިޓް ނޯޓިހުގެ މުއްދަތު އިތުރުކުރުމަށް ފޮނުވި ނޯޓިހެއް ކަމުގައި މީރާއިން ބުނާއިރު، މީރާއިން ފޮނުވާ އޯޑިޓް ނޯޓިހުގެ މުއްދަތު އިތުރުކުރުމަކީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން ނުވަތަ އެހެންވެސް ޤާނޫނެއްގެ ދަށުން މީރާއަށް ލިބިގެންވާ ބާރެއް ނޫންކަމުގައި ބަނީ ހޯލްޑިންގްސްއިން ބުނެއެވެ.
49މި ނުކުތާއާ ގުޅިގެން މީރާއިން ބުނެފައިވަނީ އެ ފަރާތުން 14 ނޮވެންބަރު 2013 ގައި އޯޑިޓް ނޯޓިހެއް ފޮނުވާފައިވާ ކަމަށާއި، 11 ފެބުރުއަރީ 2015 ގައި މީރާއިން ފޮނުވާފައިވާ އޯޑިޓް އެކްސްޓެންޝަން ލެޓަރގައި އެ ނޯޓިހަށް ހަވާލާދީފައިވާނެ ކަމަށެވެ. އަދި ފަނޑިޔާރު މުޙައްމަދު ނިޔާޒުގެ ރައުޔުގައި އެކަން ފާހަގަކޮށްފައިވާކަމަށާއި، 2013 ވަނަ އަހަރު ފޮނުވި އޯޑިޓް ނޯޓިސް ބަނީ ހޯލްޑިންގްސްއަށް ލިބިފައި ނުވާނަމަ، އެކަން އެ ކުންފުނިން ހުށަހެޅި ނޯޓިސް އޮފް އޮބްޖެކްޝަންގައާއި ޓްރައިބިއުނަލްގައި ފާހަގަކުރުމުގެ ފުރުސަތު އޮތްކަމުގައެވެ. މީގެ އިތުރުން، މީރާގެ ފަރާތުން ހައިކޯޓުގެ ހައިސީ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ މައްސަލައިގައި ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔުގައި މި ނުކުތާއާ ގުޅިގެން ބަޔާންކޮށްފައިވާ ކަންތައްތަކަށް34 ހަވާލާދީ، އޮޑިޓްކުރެވޭ މުއްދަތު އިތުރުކުރުމަށްޓަކައި ފޮނުވި ސިޓީއިން އިތުރުކުރެވުނު މުއްދަތުކަމުގައިވާ 01 އޮކްޓޫބަރު 2013 އިން ފެށިގެން 31 ޑިސެންބަރު 2014 ގެ ނިޔަލަށް ހިމެނޭ މުއްދަތާ ގުޅިގެން ޓެކްސްގެ ގޮތުގައި ކަނޑައެޅި އަދަދު ދައްކަން ނުޖެހުމުގެ އިޙްތިމާލް އޮތްކަންވެސް މީރާއިން ފާހަގަކޮށްފައިވެއެވެ.
50މި މައްސަލައަށް ބަލާއިރު، މީރާގެ ފަރާތުން 2013 ފޮނުވިކަމަށް ބުނާ އޯޑިޓް ނޯޓިސް އާ ގުޅިގެން ޓްރައިބިއުނަލްގައި ހުށަހަޅާފައި ނުވާ ކަންކަން ހައިކޯޓަށް ހުށަހަޅައި، އެކަންކަމުގެ މައްޗަށް ވާހަކަ ދައްކާފައިވާއިރު، މީރާއިން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން، މި މައްސަލައާ ގުޅިގެން ފޮނުވި ސައްހަ ނޯޓިސްއަކީ ކޮބައިކަން ހުދު މީރާއަށްވެސް ކަށަވަރު ނޫންކަން ދޭހަވެއެވެ.35 މީގެ އިތުރުން، 2013 ވަނަ އަހަރު މީރާއިން ފޮނުވިކަމަށް ބުނާ އޯޑިޓް ނޯޓިސް ޓްރައިބިއުނަލް އަދި ހައިކޯޓުގެ ރިޕޯޓުގައި ހިމަނާފައި ނުވާއިރު، ބަނީ ހޯލްޑިންގްސްގެ ފަރާތުން ބަޔާންކޮށްފައިވާ ފަދައިން، އެ ނޯޓިސް ރައްދުވިކަން ކޯޓަށް ކަށަވަރުކޮށްދިނުމުގެ ގޮތުން ލިޔެކިޔުން ހުށަހެޅުމަށް މީރާއިން އެދިފައިވަނީވެސް ހައިކޯޓު މަރުޙަލާގައިކަން މީރާއިން އެ ކޯޓުގައި ދައްކާފައިވާ ވާހަކައިން ސާފެވެ.36
51HN7އެހެންކަމުން، 2013 ވަނަ އަހަރު މީރާއިން ފޮނުވިކަމަށް ބުނާ އޯޑިޓް ނޯޓިސް ރައްދުކޮށްފައިވާ ކަމާމެދު ޓްރައިބިއުނަލް އަދި ހައިކޯޓު މަރުޙަލާގައި ބަނީ ހޯލްޑިންގްސްއިން ފާހަގަކުރަމުން ދިޔަނަމަވެސް، އެކަން ސާބިތުކޮށްދިނުމަށްޓަކައި ލިޔެކިޔުން ހުށަހެޅުމުގެ ކަންކަން މީރާއިން ކޮށްފައިވަނީ ހައިކޯޓު މަރުޙަލާގައިކަން ސާފެވެ. އެހެން ނަމަވެސް، އެއީ މި ކޯޓުގެ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް ވ. ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް37 މައްސަލައިގައި ބަޔާންކޮށްފައިވާ، ކުރިން ހުށަނޭޅޭ އައުހެކި ހައިކޯޓަށް ހުށަހެޅުމުގެ ހުއްދަ ދެވޭފަދަ ހާލަތެއްގައި ހުށަހަޅާފައިވާ ހެއްކެއް ކަމުގައި ބެލެވޭނެ ޖާގަ އޮތްކަމުގައި ނުދެކެމެވެ. އެހެނީ އެ ލިޔުމަކީ އެކަށީގެންވާ މަސައްކަތެއް ކުރިނަމަ ހުށަހެޅުމުގެ ފުރުޞަތު ލިބިއޮތް، އެހެންނަމަވެސް މީރާއިން ހުށަނާޅާ އޮތް ހެއްކެއް ކަމުގައިވާތީއެވެ.
52HN8ބަހުސްގެ ބޭނުމަށްޓަކައި 2013 ވަނަ އަހަރު މީރާގެ ފަރާތުން ފޮނުވާފައިވާކަމަށް ބުނާ ނޯޓިހަކީ ހަމަ ހަގީގަތުގައިވެސް ބަނީ ހޯލްޑިންގްސްއަށް ފޮނުވާފައިވާ ނޯޓިހެއް ކަމުގައި ބެލިނަމަވެސް، އޯޑިޓް ނޯޓިހުގެ މުއްދަތު އިތުރުކުރުމަކީ މީރާއަށް ޤާނޫނީ އިމުގެ ތެރެއިން ކުރެވެން އޮތް ކަމެއް ނޫން ކަމުގައިވުމުގެ އިތުރުން، ޓެކްސް ދައްކަންޖެހޭ ކަމަށް ކަނޑައަޅައި މީރާއިން ފޮނުވާފައިވާ ނޯޓިސް އޮފް ޓެކްސް އެސެސްމަންޓާއި ޖީ.އެސް.ޓީ އޯޑިޓް ރިޕޯޓުގައި ހަވާލާދީފައިވަނީ 11 ފެބުރުވަރީ 2015 ގެ އޯޑިޓް ނޯޓިހަށް ކަމުގައިވާތީ، މީރާއިން 2013 ގައި ފޮނުވި ކަމަށްބުނާ އޯޑިޓް ނޯޓިހަކީ މި މައްސަލައިގެ ބޭނުމަށްޓަކައި އޭގެ މައްޗަށް އެއްވެސް ރިއާޔަތްތެރިކަމެއް ދެވިދާނެ ލިޔުމެއް ކަމުގައި އަހުރެން ނުދެކެމެވެ.
އޯޑިޓް ނޯޓިސް ފޮނުވަންޖެހޭ މުއްދަތު ހިސާބު ކުރާގޮތް
53ބަނީ ހޯލްޑިންގްސްގެ ފަރާތުން މި ނުކުތާ ފާހަގަކޮށްފައިވަނީ ހައިކޯޓުގެ ނިންމުމުގައި އެ ކުންފުނީގެ ފަރާތުން ޓެކްސް ބަޔާންތައް ހުށަހެޅި ތާރީޚުތަކަށް ބެލުމެއް ނެތި، އޯޑިޓް ނޯޓިސް ފޮނުވަންޖެހޭ މުއްދަތު ހިސާބުކުރުމުގެ ބޭނުމަށްޓަކައި މުއްދަތު ގުނަން ފަށަންޖެހޭނީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް ފުރަތަމަ އިޞްލާޙު ގެނެވުނު ތާރީޚުން ހިސާބުކޮށްގެން ކަމުގައި ބަޔާންކޮށްފައިވާތީއެވެ.38
54ބަނީ ހޯލްޑިންގްސްގެ ފަރާތުން ހައިކޯޓުން ކަނޑައަޅާފައިވާ މި ކަނޑައެޅުން އިސްތިއުނާފު ކުރަމުން ބުނެފައިވަނީ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް ފުރަތަމަ އިޞްލާޙު ގެނައުމުގެ ކުރިން އޯޑިޓް ނޯޓިސް ފޮނުވާ އޯޑިޓް ކުރެވޭނެ ވަކި މުއްދަތެއް ކަނޑައަޅާފައި ނެތް ނަމަވެސް، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް ފުރަތަމަ އިސްލާޙަށް އަމަލުކުރަން ފެށުނު ހިސާބުން ޓެކްސް ދައްކަންޖެހޭ ފަރާތަކުން ދައްކަންޖެހޭ ޓެކްސްގެ ޢަދަދު ހިސާބުކޮށްފައިވަނީ ޓެކްސް ޤާނޫނުތަކާ އެއްގޮތަށްކަން ޔަޤީންކުރުމަށާއި ދައްކަންޖެހޭ ޓެކްސްގެ މިންވަރު ކަނޑައެޅުމަށް ބޭނުންވާ ހިސާބުތަކާއި ލިޔެކިޔުންތައް ބަލާކަން މީރާއިން އެފަރާތަކަށް އެންގުމުގެ ބާރު މީރާއަށް ލިބިދީފައިވަނީ ހާލަތަށް ބަލައި، ވަކި މުއްދަތުތަކެއް ފާއިތުވުމުގެ ކުރިން ކަމަށެވެ.
55HN9ޤާނޫނަށް އައި ބަދަލަށް ބަލާއިރު، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް ފުރަތަމަ އިޞްލާޙު ގެނައުމާއެކު، އޯޑިޓް ނޯޓިސް ފޮނުވުމުގެ ބާރު މީރާއަށް ލިބިދީފައިވެއެވެ.39 އެހެންނަމަވެސް، އެ އިޞްލާޙުގައި އެ ބާރުގެ ބޭނުން ހިފޭނެ މުއްދަތުތަކެއް ބަޔާންކޮށްފައިވެއެވެ.
56މިގޮތުން:
56.1. އޯޑިޓް ނޯޓިސް ރައްދުވާ ފަރާތަކީ ޓެކްސް ދެއްކުމުގައި މަކަރާއި ހީލަތް ހެދުމުގެ ކުށެއް ނުވަތަ ގަސްތުގައި ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ކުށެއް ކޮށްފިކަމަށް ޝައްކުކުރެވޭ ފަރާތެއް40 ނޫންނަމަ:
(1) ހުށަހަޅަންޖެހޭ ދުވަހު ނުވަތަ އެއަށްވުރެ ކުރިން ޓެކްސް ބަޔާން ހުށަހަޅާފައިވާނަމަ، އެ ބަޔާން ހުށަހަޅަންޖެހޭ ތާރީޚުން ފެށިގެން؛ ނުވަތަ
(2) ހުށަހަޅަންޖެހޭ ދުވަހުގެ ފަހުން ޓެކްސް ބަޔާން ހުށަހަޅާފައިވާނަމަ، ނުވަތަ އިޞްލާޙުކުރެވިފައިވާ ޓެކްސް ބަޔާނެއް ހުށަހަޅާފައިވާނަމަ، އެ ބަޔާން ހުށަހެޅި ނުވަތަ އިޞްލާޙުކުރެވުނު ބަޔާން ހުށަހެޅި ތާރީޚުން ފެށިގެން؛
2 (ދޭއް) އަހަރު ދުވަސް ހަމަވުމުގެ ކުރިން މީރާއަށް އޯޑިޓް ނޯޓިސް ފޮނުވުމުގެ އިޚްތިޔާރު ލިބިގެންވެއެވެ.41
56.2. އަދި ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ފަރާތަކުން ޓެކްސް ބަޔާނެއް ހުށަހަޅާފައިނުވާނަމަ، ކޮންމެ ވަގުތެއްގައިވެސް ޓެކްސް ދައްކަންޖެހޭ މިންވަރު ބަލާކަން އަންގާ އެންގުމެއް މީރާއަށް ފޮނުވިދާނެއެވެ.42
57ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް ފުރަތަމަ އިޞްލާޙު ގެނައި ތާރީޚަކީ މީރާއަށް އެ ޤާނޫނުން އޯޑިޓް ނޯޓިސް ނެރުމުގެ ބާރު ލިބިދިން ދުވަހެވެ. އެ ތާރީޚަކީ އޯޑިޓް ނޯޓިސްގެ މުއްދަތު ހިސާބުކުރުމުގެ ބޭނުމަށްޓަކައި ބޭނުންކުރެވިދާނެ ދުވަހެއްގެ ގޮތުގައި އެ ޤާނޫނުގައި ފާހަގަކޮށްފައި ނުވެއެވެ. އެހެންކަމުން، މީރާއަށް ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން އޯޑިޓް ނޯޓިސް ނެރެވޭނީ އެ ޤާނޫނަށް ފުރަތަމަ އިޞްލާޙު ގެނައި ތާރީޚުގެ ފަހުން ކަމުގައި ވީނަމަވެސް، އެ ޤާނޫނުގެ ދަށުން މީރާއަށް އޯޑިޓް ނޯޓިސް ނެރެވޭނެ މުއްދަތު ހިސާބުކުރުމުގެ ބޭނުމަށްޓަކައި ޓެކްސް ބަޔާން ހުށަހަޅާފައިވާކަން ނުވަތަ ނޫންކަން އަދި އެ ބަޔާން ހުށަހެޅި ތާރީޚު ނުވަތަ ހުށަހަޅަންޖެހޭ ތާރީޚު ބެލުމަކީ އެކަންކަމަށް ބެލުމެއް ނެތި ދޫކޮށްލެވޭނެ ކަންކަމެއް ނޫނެވެ.
58މި މައްސަލައަށް ބަލާއިރު، ބަނީ ހޯލްޑިންގްސްގެ ފަރާތުން ޓެކްސް ބަޔާން ހުށަހަޅާފައި ނުވާކަން ނުވަތަ އެ ކުންފުނީގެ މައްޗަށް ޓެކްސް ދެއްކުމުގައި މަކަރާއި ހީލަތް ހެދުމުގެ ކުށެއް ނުވަތަ ގަސްތުގައި ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ކުށެއް ކޮށްފިކަމަށް ޝައްކުކުރެވޭ ހާލަތެއް އޮތްކަން މީރާއިން ފާހަގަކޮށްފައި ނުވާތީ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 30 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތުތަކުގެ ތެރެއިން މީރާއަށް ޤާނޫނީ އިމުގެ ތެރެއިން އޯޑިޓް ނޯޓިސް ފޮނުވޭނީ އެ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ތާރީޚުތަކުން ފެށިގެން 2 (ދޭއް) އަހަރު ހަމަވުމުގެ ކުރިންނެވެ. އަދި އެހެންކަމުން، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 30 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ތާރީޚުތަކުން ފެށިގެން 2 (ދޭއް) އަހަރުގެ މުއްދަތު ފަހަނައަޅާފައިވާ މުޢާމަލާތްތަކުގެ މައްޗަށް މީރާއިން 11 ފެބުރުވަރީ 2015 ގައި ފޮނުވާފައިވާ ނޯޓިސްގެ އަސަރެއް އަދި ބާރެއް ފޯރާނެކަމުގައި އަހުރެން ނުދެކެމެވެ.
އިޝޫ އެސްޓޮޕަލް ތަޠުބީޤުކުރަންޖެހޭކަން ނުވަތަ ނޫންކަން
59ބަނީ ހޯލްޑިންގްސްގެ ފަރާތުން ބަޔާންކުރާ ގޮތުގައި، އިސްތިއުނާފު ކޮށްފައިވާ މައްސަލައިގެ މައިގަނޑު އިޝޫއަކީ ހައިކޯޓުގެ ނަންބަރު 2020/HC-A-02/01 ޤަޟިއްޔާގެ ގޮތުގައި ހިންގާފައިވާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. ބަނީ ހޯލްޑިންގްސް (ބީ.ވީ.އައި) ލިމިޓެޑް މައްސަލައިގައި އެކަމުގެ މައްޗަށް ގޮތެއް ކަނޑައަޅާފައިވާ ކަމެއް ކަމުގައެވެ. މި ނުކުތާ ތަފްސީލުކުރަމުން ބަނީ ހޯލްޑިންގްސްގެ ފަރާތުން ބުނެފައިވަނީ ހައިކޯޓުން ބަލާ ނިންމާފައިވާ އެ މައްސަލައިގެ އަޣްލަބިއްޔަތު ރައުޔުގައި، ބަނީ ހޯލްޑިންގްސްގެ ފަރާތުން ސްޓްރާޓާ އުސޫލުން ވިއްކާފައިވާ ވިލާތަކާ ގުޅޭ މުޢާމަލާތްތަކަކީ ޓީ.ޖީ.އެސް.ޓީ ޤާނޫނުގެ ދަށުން ޓެކްސް ދައްކަންޖެހޭ މުޢާމަލާތްތަކެއް ނޫންކަމުގައި ކަނޑައަޅާފައިވާ ކަމަށެވެ. އަދި އެ ޤަޟިއްޔާއަކީ ބަނީ ހޯލްޑިންގްސްއާ މީރާ ހިމެނޭ މައްސަލައެއް ކަމުގައިވެފައި، އެ މައްސަލައިގެ ނިންމުން ނިހާއީވެފައިވާތީ، ސުޕްރީމް ކޯޓުގެ ބަނީ ހޯލްޑިންގްސް (ބީ.ވީ.އައި) ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ43 ގައި ކަނޑައަޅާފައިވާ އިޝޫ އެސްޓޮޕަލްގެ މަބްދައު މިހާރު ހިނގަމުން މިދާ މައްސަލައަށް ތަޠުބީޤުކުރަންޖެހޭ ކަމަށްވެސް އެ ކުންފުނީގެ ފަރާތުން ބުނެއެވެ.
60މި އިސްތިއުނާފީ ނުކުތާއަށް ރައްދުދެމުން، ސުޕްރީމް ކޯޓުގެ ބަނީ ހޯލްޑިންގްސް (ބީ.ވީ.އައި) ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ44 ގައި ކަނޑައަޅާފައިވާ އިޝޫ އެސްޓޮޕަލްގެ މަބްދައު ބަނީ ހޯލްޑިންގްސްގެ ފަރާތުން ހުށަހަޅާފައިވާ ގޮތަށް ތަޠުބީޤުކުރަން ބަލާއިރު، ހައިކޯޓުގެ ނަންބަރު 2020/HC-A-02/01 ޤަޟިއްޔާގެ ގޮތުގައި ހިންގާފައިވާ މައްސަލައިގައި ޚުޞޫމާތް އުފެދި އެކަމުގެ މައްޗަށް ގޮތް ކަނޑައަޅާފައިވަނީ ޓީ.ޖީ.އެސް.ޓީ ޤާނޫނުގެ ދަށުން ޓެކްސް ނެގުމާ ގުޅިގެން ކަމަށާއި، މި ހިނގާ މައްސަލައިގައި ހިމެނޭ 11 (އެގާރަ) މުޢާމަލާތުގެ ތެރެއިން 1 (އެކެއް) މުޢާމަލާތަކީ ޓީ.ޖީ.އެސް.ޓީ ޤާނޫނު ވުޖޫދުގައި އޮތްއިރު ހިންގާފައިވާ މުޢާމަލާތެއް ނަމަވެސް، އެ މުޢާމަލާތް ފިޔަވާ މި މައްސަލައިގައި ހިމެނޭ ބަކީ 10 (ދިހައެއް) މުޢާމަލާތަކީ ޖީ.އެސް.ޓީ ޤާނޫނަށް އަމަލުކުރަން ފެށުމުގެ ފަހުގެ މުޢާމަލާތްތަކެއް ކަމުގައިވާތީ، އިޝޫ އެސްޓޮޕަލްގެ މަބްދައު މި ހާލަތުގައި ތަޠުބީޤު ނުކުރެވޭނެ ކަމަށް މީރާގެ ފަރާތުން ބަޔާންކޮށްފައިވެއެވެ.
61HN10މީރާއިންނާއި ބަނީ ހޯލްޑިންގްސްގެ ފަރާތުން މި ނުކުތާއާ ގުޅިގެން ހުށަހަޅާފައިވާ ކަންކަމަށް ބަލާއިރު، ހައިކޯޓުގެ ނަންބަރު 2020/HC-A-02/01 ޤަޟިއްޔާއިން ނިންމާފައިވާ މައްސަލައިން ގޮތް ކަނޑައަޅާފައިވަނީ ބަނީ ހޯލްޑިންގްސްގެ ފަރާތުން ސްޓްރާޓާ އުސޫލުން ވިއްކާފައިވާ ވިލާތަކާ ގުޅިގެން ޓީ.ޖީ.އެސް.ޓީ ޤާނޫނުގެ ދަށުން ޓެކްސް ދައްކަންޖެހޭކަން ނުވަތަ ނޫންކަމުގެ މައްޗަށް ކަން ދެ ފަރާތުންވެސް ފާހަގަކޮށްފައި އޮތްހިނދު، މި މައްސަލައިގައި ޚުޞޫމާތް އުފެދިފައިވާ 11 (އެގާރަ) މުޢާމަލާތުގެ ތެރެއިން 10 (ދިހައެއް) މުޢާމަލާތަކީ ޖީ.އެސް.ޓީ ޤާނޫނަށް އަމަލުކުރަން ފެށުމުގެ ފަހުން ހިނގާފައިވާ މުޢާމަލާތްތަކެއް ކަމުގައިވާތީ، އަދި މިއީ ޓެކުހާބެހޭ ދެ މައްސަލަ ކަމުގައިވާނަމަވެސް، މައްސަލައާ ގުޅިގެން ބަލަންޖެހޭ ޤާނޫނު ތަފާތުވުމުން، އިޝޫ އެސްޓޮޕަލްގެ މަބްދަޢު ތަޠުބީޤުކޮށް، މި މައްސަލައިގެ މައުޟޫޢަށް ގޮތް ކަނޑައެޅުން އެއްފަރާތް ކުރެވޭނެ ކަމުގައި އަހުރެން ނުދެކެމެވެ.
ނިންމަން ފެންނަ ގޮތް އަދި އޭގެ ނަތީޖާ
62މި މައްސަލައާ ގުޅިގެން ހުށަހަޅާފައިވާ ޤާނޫނީ ނުކުތަކާއި އުސޫލުތަކަށް ބަލައި، އެއިން ކޮންމެ ނުކުތާއަކާމެދު އަހުރެން ދެކޭ ގޮތް މި ރައުޔުގައި ބަޔާންކޮށްފައިވާ ހިނދު، އެ ކަންކަން ޚުލާސާކުރަމެވެ.
(ހ) ބަނީ ހޯލްޑިންގްސްގެ ފަރާތުން ސްޓްރާޓާ އުސޫލުން ވިއްކާފައިވާ، މި މައްސަލައިގައި ހިމެނޭ 11 (އެގާރަ) މުޢާމަލާތުގެ ތެރެއިން 10 (ދިހައެއް) މުޢާމަލާތަކީ ޖީ.އެސް.ޓީ ޤާނޫނުގެ 3 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ނުއުފުލޭ މުދާ ނޫން ނަމަވެސް، އެ މުޢާމަލާތްތަކުގެ ތެރެއިން، ޖީ.އެސް.ޓީ ޤާނޫނަށް އަމަލުކުރަން ފެށުމަށްފަހު ކޮށްފައިވާ މުޢާމަލާތްތަކަކީ ޖީ.އެސް.ޓީ ޤާނޫނުގެ 3 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ މުދާކަމުން، އެ މުޢާމަލާތްތަކުގެ މައްޗަށް ޖީ.އެސް.ޓީ ޤާނޫނު ތަޠުބީޤުކޮށް، އެ މުޢާމަލާތްތަކުން ޓެކްސް ނެގުމުގެ ޤާނޫނީ ބާރު މީރާއަށް ލިބިގެން ނުވާކަމުގައި ކަނޑައަޅަން ފެނެއެވެ.
(ށ) މައިނަރ އިންޓަރނޭޝަނަލް (ލަބުއާން) ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ [2023] SC 4545 މައްސަލައިގައި ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް، މީރާއިން އޯޑިޓް ނޯޓިސްއެއް ނެރޭނަމަ، އެފަދަ އޯޑިޓް ނޯޓިސްއަކީ ކޮން ޤާނޫނެއްގެ ކޮން މާއްދާއެއްގެ ކޮން އަކުރެއްގެ ދަށުން ނެރެފައިވާ އޯޑިޓް ނޯޓިސްއެއްކަން ބަޔާންކުރަންޖެހޭނެ ކަމުގައި ކަނޑައަޅަން ފެނެއެވެ.
(ނ) މި ޚުޞޫމާތުގައި ހިމެނޭ މުޢާމަލާތްތަކާ ގުޅިގެން 2013 ވަނަ އަހަރު އޯޑިޓް ނޯޓިސްއެއް ނެރެފައިވާނަމަ، އެ ނޯޓިސްގެ މުއްދަތު އިތުރުކުރުމުގެ ޤާނޫނީ ބާރު މީރާއަށް ލިބިގެން ނުވާކަމުގައި، އަދި މި ޚުޞޫމާތުގައި ހިމެނޭ މުޢާމަލާތްތަކާ ގުޅިގެން މީރާއިން ފޮނުވާފައިވާ ނޯޓިސް އޮފް ޓެކްސް އެސެސްމަންޓާއި ޖީ.އެސް.ޓީ އޯޑިޓް ރިޕޯޓުގައި ހަވާލާދީފައިވަނީ 11 ފެބުރުވަރީ 2015 ގެ އޯޑިޓް ނޯޓިސްއަށް ކަމުގައިވާތީ، މި މައްސަލައިގެ ބޭނުމަށްޓަކައި އޯޑިޓް ނޯޓިސް ފޮނުވާފައިވާ ތާރީޚަކީ 11 ފެބުރުވަރީ 2015 ކަމުގައި ކަނޑައަޅަން ފެނެއެވެ.
(ރ) އޯޑިޓް ނޯޓިސް ނެރެފައިވަނީ 11 ފެބުރުވަރީ 2015 ދުވަހު ކަމުގައި ވުމުން، އެ ނޯޓިސްގެ ބާރު ފޯރާނީ މި މައްސަލައިގައި ހިމެނޭ މުޢާމަލާތްތަކާ ގުޅޭ ޓެކްސް ބަޔާންތައް ހުށަހަޅާފައިވާ ތާރީޚުތައް ބަލައި، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 30 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތުތަކުގެ ތެރެއިން، އެ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ތާރީޚުތަކުން ފެށިގެން 02 (ދޭއް) އަހަރު ހަމަނުވާ މުޢާމަލާތްތަކުގެ މައްޗަށް ކަމުގައި ކަނޑައަޅަން ފެނެއެވެ.
(ބ) ހައިކޯޓުގެ ނަންބަރު 2020/HC-A-02/01 ޤަޟިއްޔާގެ ގޮތުގައި ބެލި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. ބަނީ ހޯލްޑިންގްސް (ބީ.ވީ.އައި) ލިމިޓެޑް މައްސަލައިގައި ސްޓްރާޓާ އުސޫލުން ވިއްކާފައިވާ ވިލާތަކާ ގުޅޭ މުޢާމަލާތްތަކަކީ ޓީ.ޖީ.އެސް.ޓީ ޤާނޫނުގެ ދަށުން ޓެކްސް ދައްކަންޖެހޭ މުޢާމަލާތްތަކެއް ނޫންކަމުގައި ކަނޑައަޅާފައިވާ ނަމަވެސް، މި މައްސަލައާ ގުޅިގެން މައްސަލައާ ގުޅޭ މުޢާމަލާތްތަކުގެ ތެރެއިން 10 (ދިހައެއް) މުޢާމަލާތަކީ ޖީ.އެސް.ޓީ ޤާނޫނަށް އަމަލުކުރަން ފެށުމަށް ފަހުން ކޮށްފައިވާ މުޢާމަލާތްތަކެއް ކަމުގައިވާތީ، އެ މުޢާމަލާތްތަކުގެ މައްޗަށް އިޝޫ އެސްޓޮޕަލްގެ މަބްދަޢު ތަޠުބީޤު ނުކުރެވޭނެ ކަމުގައި ކަނޑައަޅަން ފެނެއެވެ.
63މި މައްސަލައާ ގުޅިގެން ހުށަހަޅާފައިވާ ޤާނޫނީ ނުކުތާތަކާ ގުޅިގެން އިސްވެ ބަޔާންކުރި ފަދައިން ގޮތް ކަނޑައެޅުމުގެ ނަތީޖާއަކީ، މި މައްސަލައިގައި ހިމެނޭ މުޢާމަލާތްތަކުގެ ތެރެއިން 02 އޮކްޓޫބަރު 2011 ގެ ފަހުން ކޮށްފައިވާ މުޢާމަލާތްތަކަކީ ޖީ.އެސް.ޓީ ޤާނޫނުގެ 03 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގެ ހުދޫދުގެ ތެރޭގައި ހިމެނޭ މުޢާމަލާތްތަކެއް ކަމުގައި ވެގެން ދިއުމުން، އެ މުޢާމަލާތްތަކުގެ މައްޗަށް ޖީ.އެސް.ޓީ ޤާނޫނަށް ހަވާލާދީ ޓެކްސް ނެގުމުގެ ފުރުސަތު ނެތިދިއުމެވެ. އަދި މި މައްސަލައިގައި ހިމެނޭ މުޢާމަލާތްތަކުގެ ތެރެއިން 02 އޮކްޓޫބަރު 2011 ގެ ކުރިން ހިނގާފައިވާ މުޢާމަލާތުގެ މައްޗަށް މީރާއަށް ޓެކްސް ނެގޭނީ މީރާއިން ފޮނުވާފައިވާ އޯޑިޓް ނޯޓިސްއަކީ މައިނަރ އިންޓަރނޭޝަނަލް (ލަބުއާން) ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
[2023]SC 4546 ގައި ބަޔާންކޮށްފައިވާ މައުލޫމާތުތައް ހިމެނޭ ނޯޓިސްއަކަށް ވުމުގެ އިތުރުން، އެ އޯޑިޓް ނޯޓިސްއަކީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 30 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތުތަކުގެ ތެރެއިން، އެ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ތާރީޚުތަކުން ފެށިގެން 2 (ދޭއް) އަހަރުގެ މުއްދަތު ހަމަވުމުގެ ކުރިން ނެރެފައިވާ ނޯޓިހެއް ކަމުގައިވާނަމަ އެކަންޏެވެ.
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު
64މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު
65މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ސަބަބުތައް އެހެން ހުރުމުން:
(1) މި މައްސަލައިގައި ހިމެނޭ 11 (އެގާރަ) ވިލާގެ މުޢާމަލާތްތަކުގެ ތެރެއިން 10 (ދިހައެއް) މުޢާމަލާތަކީ ޤާނޫނު ނަންބަރު 2011/10 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ މުދާކަމުގައިވާތީ، އެ މުޢާމަލާތްތަކުގެ މައްޗަށް ޤާނޫނު ތަޠުބީޤުކޮށް ޓެކްސް ނެގުމުގެ ޤާނޫނީ ބާރު މީރާއަށް ލިބިގެން ނުވާކަމުގައާއި؛
(2) މީރާއިން އޯޑިޓް ނޯޓިސްއެއް ނެރޭނަމަ، އެފަދަ އޯޑިޓް ނޯޓިސްއަކީ ކޮން ޤާނޫނެއްގެ ކޮން މާއްދާއެއްގެ ކޮން އަކުރެއްގެ ދަށުން ނެރެފައިވާ އޯޑިޓް ނޯޓިސްއެއްކަން ބަޔާންކުރަންވާނެ ކަމުގައާއި؛
(3) މި ޚުޞޫމާތުގައި ހިމެނޭ މުޢާމަލާތްތަކާ ގުޅިގެން 2013 ވަނަ އަހަރު މީރާއިން އޯޑިޓް ނޯޓިސްއެއް ނެރެފައިވާނަމަ، އެ ނޯޓިސްގެ މުއްދަތު އިތުރުކުރުމުގެ ޤާނޫނީ ބާރު މީރާއަށް ލިބިގެން ނުވާކަމުގައާއި؛
(4) މި ޚުޞޫމާތުގައި ހިމެނޭ މުޢާމަލާތްތަކާ ގުޅިގެން މީރާއިން ފޮނުވާފައިވާ ނޯޓިސް އޮފް ޓެކްސް އެސެސްމަންޓާއި ޖީ.އެސް.ޓީ އޯޑިޓް ރިޕޯޓުގައި ހަވާލާދީފައިވަނީ 11 ފެބުރުވަރީ 2015 ގެ އޯޑިޓް ނޯޓިސްއަށް ކަމުގައިވާތީ، މި މައްސަލައިގެ ބޭނުމަށްޓަކައި އޯޑިޓް ނޯޓިސް ފޮނުވާފައިވާ ތާރީޚަކީ 11 ފެބުރުވަރީ 2015 ކަމުގައި ބަލަންޖެހޭ ކަމުގައާއި؛
(5) އޯޑިޓް ނޯޓިސް ނެރެފައިވަނީ 11 ފެބުރުވަރީ 2015 ދުވަހު ކަމުގައި ވުމުން، އެ ނޯޓިސްގެ ބާރު ފޯރާނީ މި މައްސަލައިގައި ހިމެނޭ 11 (އެގާރަ) މުޢާމަލާތާ ގުޅޭ ޓެކްސް ބަޔާންތައް ހުށަހަޅާފައިވާ ތާރީޚުތައް ބަލައި، ޤާނޫނު ނަންބަރު 2010/3 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 30 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތުތަކުގެ ތެރެއިން، އެ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ތާރީޚުތަކުން ފެށިގެން 02 (ދޭއް) އަހަރު ހަމަނުވާ މުޢާމަލާތްތަކުގެ މައްޗަށް ކަމުގައި؛
މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައެޅުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/13,14 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނީ އުސޫލުތަކާ އެއްގޮތަށް ކަމުގައި ނުވާތީ، މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/13,14 ޤަޟިއްޔާގެ ޙުކުމް ބާޠިލުކުރަމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ: ޢަލީ ރަޝީދު ޙުސައިން ޢާއިޝާ ޝުޖޫން މުޙައްމަދު މުޙައްމަދު އިބްރާހީމް (ރިޔާސަތު)
1 ރަޖިސްޓަރީ ނަންބަރު:FC-0120/1991
2 މީރާގެ ނަންބަރު 1002044/AUDN-GST/LTAS/2015/03 "އޯޑިޓް ނޯޓިސް" (11 ފެބުރުއަރީ 2015)
3 މީރާގެ ނަންބަރު 1002044/NOTA-GST/LTAS/2015/16 "ނޯޓިސް އޮފް ޓެކްސް އެސެސްމަންޓް" (17 ޖޫން 2015)
4 މީރާގެ ނަންބަރު AR/LTS/GST/2015/072 "ގުޑްސް އެންޑް ސަރވިސަވް ޓެކްސް އޯޑިޓް ރިޕޯޓު" (17 ޖޫން 2015)
5 ބަނީ ހޯލްޑިންގްސްގެ ފަރާތުން މީރާގެ ފޯމު ނަންބަރުMIRA 903 މެދުވެރިކޮށް 15 ޖުލައި 2015 ގައި ހުށަހެޅި "ނޯޓިސް އޮފް އޮބްޖެކްޝަން"
6 މީރާގެ ނަންބަރު 1002044/ORR-TGST/OS/2016/19 ސިޓީ (16 ޖޫން 2016) އާއެކު ފޮނުވި މީރާގެ ނަންބަރު 220-0A/2015/47 "އޮބްޖެކްޝަން ރިވިއު ރިޕޯޓް" (16 ޖޫން 2016)
7 ޓްރައިބިއުނަލްގެ ނަންބަރު TAT-CA-G/2016/006 މައްސަލަ ބަނީ ހޯލްޑިންގްސް އިން އިސްތިއުނާފު ކުރުމުން ބެލުނު މައްސަލައަށް ހައިކޯޓުން ދީފައިވާ ޤަޟިއްޔާ ނަންބަރަކީ 2020/HC-A/13 އެވެ. އަދި މީރާއިން އިސްތިއުނާފު ކުރުމުން ބެލުނު މައްސަލައަށް ހައިކޯޓުން ދީފައިވާ ޤަޟިއްޔާ ނަންބަރަކީ 2020/HC-A/14 އެވެ.
8 ޤާނޫނު ނަންބަރު 2011/10 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާ.
9 ޤާނޫނު ނަންބަރު 20/2022 (ޤާނޫނު ނަންބަރު 2011/10 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) އަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) އިން ޖީ.އެސް.ޓީ ޤާނޫނުގެ 15 ވަނަ މާއްދާގެ (ރ) އިޞްލާޙުކޮށްފައިވާކަން ފާހަގަކުރަމެވެ.
ޖީ.އެސް.ޓީ ޤާނޫނުގެ 15 ވަނަ މާއްދާގެ (ރ) އަށް އިޞްލާޙު ގެނެސްފައިވަނީ މި މައްސަލައިގައި ހިމެނޭ މުޢާމަލާތްތައް ކޮށް ނިމުނު ފަހުންކަމުގައިވާތީ، މި މައްސަލައިގައި ފާހަގަކޮށްފައި މިވަނީ ބުނެވުނު އިސްލާޚު ގެނައުމުގެ ކުރިން ޖީ.އެސް.ޓީ ޤާނޫނުގެ 15 ވަނަ މާއްދާގެ (ރ) ގެ އިބާރާތް އޮތް ގޮތެވެ.
10 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/13,14 ޤަޟިއްޔާގެ 40 ވަނަ ޕެރެގްރާފް.
11 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/13,14 ޤަޟިއްޔާގެ 46، 47 އަދި 53 ވަނަ ޕެރެގްރާފް.
12 ޓޫރިސްޓް ރިޒޯޓުތަކާގުޅޭ ޙައްޤުތައް ބަދަލުކުރުމުގެ ޤަވާއިދުގެ 1 ވަނަ މާއްދާ.
13 ޓޫރިސްޓް ރިޒޯޓުތަކާގުޅޭ ޙައްޤުތައް ބަދަލުކުރުމުގެ ޤަވާއިދަށް 2010 ވަނަ އަހަރު އަމަލުކުރަން ފެށިފަހުން، އެ ޤަވާއިދަށް 6 އިސްލާހެއް ގެނެސްފައިވެއެވެ. އެހެންނަމަވެސް، މި މައްސަލައިގެ ބޭނުމަށްޓަކައި ބަލާފައިވަނީ ހަމައެކަނި އެ ޤަވާއިދަށް ގެނައި ފުރަތަމަ އިސްލާހަށެވެ. އެހެނީ ޤަވާއިދަށް ގެނައި ފުރަތަމަ އިޞްލާޙު ގެނެސްފައިވަނީ 2014 ގައި ކަމަށްވެފައި، ޤަވާއިދަށް ގެނައި ދެވަނަ އިސްލާހާއި އެއަށް ފަހުން ގެނައި އިޞްލާޙުތައް ގެނެސްފައިވަނީ 2017 ވަނަ އަހަރުން ފެށިގެން ކަމަށްވެފައި، މިއީ، މީރާއިން މި މައްސަލައިގައި އޯޑިޓް ނޯޓިސް ފޮނުވުމުގެ ފަހުން ކަމުގައިވާތީއެވެ.
14 ޓޫރިސްޓް ރިޒޯޓުތަކާގުޅޭ ޙައްޤުތައް ބަދަލުކުރުމުގެ ޤަވާއިދުގެ 14 އަދި 16 ވަނަ މާއްދާ.
15 ޓޫރިސްޓް ރިޒޯޓުތަކާގުޅޭ ޙައްޤުތައް ބަދަލުކުރުމުގެ ޤަވާއިދުގެ 15 ވަނަ މާއްދާ.
16 ޓޫރިސްޓް ރިޒޯޓުތަކާގުޅޭ ޙައްޤުތައް ބަދަލުކުރުމުގެ ޤަވާއިދުގެ 17 ވަނަ މާއްދާ.
17 ޓޫރިސްޓް ރިޒޯޓުތަކާގުޅޭ ޙައްޤުތައް ބަދަލުކުރުމުގެ ޤަވާއިދުގެ 18 ވަނަ މާއްދާ.
18 ޓޫރިސްޓް ރިޒޯޓުތަކާގުޅޭ ޙައްޤުތައް ބަދަލުކުރުމުގެ ޤަވާއިދުގެ 19 އަދި 21 ވަނަ މާއްދާ.
19 ޓޫރިސްޓް ރިޒޯޓުތަކާގުޅޭ ޙައްޤުތައް ބަދަލުކުރުމުގެ ޤަވާއިދުގެ 20 އަދި 22 ވަނަ މާއްދާ.
20 ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 274 ވަނަ މާއްދާގެ (ހ) ގައި "ޤާނޫނު" ކަމުގައި ބުނެފައިވަނީ "ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކޮށްފައިވާ ޤާނޫނުތަކާއި، އެ ޤާނޫނުތަކުން ބާރުލިބިގެން، އެ ޤާނޫނުތަކުގެ އިމުގެ ތެރޭގައި ހަދާ ޤަވާޢިދުތަކަށެވެ."
21 ޤާނޫނު ނަންބަރު 6/2014 (ޤާނޫނު ނަންބަރު 2011/10 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު).
22 ޤާނޫނު ނަންބަރު 2011/10 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) ފާސްކޮށް، އެ ޤާނޫނު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވަނީ 02 ސެޕްޓެންބަރު 2011 ދުވަހުއެވެ. އަދި އެ ޤާނޫނުގެ 64 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން، އެ ޤާނޫނަށް ޢަމަލުކުރަން ފަށާނީ ޤާނޫނު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެން މީލާދީ 1 (އެކެއް) މަސްދުވަސް ފަހުންނެވެ.
ޤާނޫނު ނަންބަރު 2011/10 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) އަށް އަމަލުކުރަން ފެށުމުގެ ކުރިން، ޓޫރިސްޓް ރިޒޯޓުތަކުން ކުރާ މުޢާމަލާތްތަކުން ޓެކްސް ނެގުމާގުޅޭ ގޮތުން އަމަލުކުރަމުން ދިޔައީ ޤާނޫނު ނަންބަރު 2010/19 (ޓޫރިސްޓް ޚިދުމަތްދޭ ތަންތަނުން ވިއްކާ ތަކެއްޗާއި ދޭ ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) އަށް ކަމުގައިވާހިނދު، މީރާގެ ފަރާތުން މި މައްސަލައިގައި ހިމެނޭ މުޢާމަލާތްތަކަށް ޓެކްސް ނަގާފައިވަނީ ޤާނޫނު ނަންބަރު 2011/10 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) ގެ ދަށުން ކަމުގައި ބަޔާންކުރާތީ، އުފެދިފައިވާ މި ހުސޫމާތުގެ މައްޗަށް ޤާނޫނު ނަންބަރު 2010/19 (ޓޫރިސްޓް ޚިދުމަތްދޭ ތަންތަނުން ވިއްކާ ތަކެއްޗާއި ދޭ ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) ތަތުބީޤުކުރެވިދާނެ ކަން ނުވަތަ ނޫންކަން ބަލާފައި ނުވާކަން ފާހަގަކުރަމެވެ.
23 ޤާނޫނު ނަންބަރު 6/2014 (ޤާނޫނު ނަންބަރު 2011/10 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ފާސްކޮށް، އެ ޤާނޫނު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވަނީ 06 ފެބުރުއަރީ 2014 ދުވަހުއެވެ.
24 ޙައްވާ މުޙައްމަދު ވ. ހައްދުންމަތީ ފޮނަދޫ ކައުންސިލް އަދި ޙުސައިން މުޙައްމަދު [2023] SC 10 (ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/06 ޤަޟިއްޔާ) ޕްރެގްރާފް 31
25 ޤާނޫނުއަސާސީގެ 97 ވަނަ މާއްދާގެ (ށ) އިންނާއި 274 ވަނަ މާއްދާގެ (ހ) ގައި "ޓެކްސް" މާނަކޮށްފައިވާ ގޮތުން، މި ބިނާއަށް އިތުރު ބާރުވެރިކަމެއް ލިބެއެވެ.
26 ގަވާއިދު ނަންބަރު R-43/2011 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގަވާއިދު)
27 ޤާނޫނު ނަންބަރު 2010/3 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 1 ވަނަ މާއްދާގެ (ހ)
28 ޤާނޫނު ނަންބަރު 2011/10 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) ގެ 65 ވަނަ މާއްދާ
29 ޤާނޫނު ނަންބަރު 19/2010 (ޓޫރިސްޓް ޚިދުމަތްދޭ ތަންތަނުން ވިއްކާ ތަކެއްޗާއި ދޭ ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) ގެ 1 ވަނަ މާއްދާގެ (ހ) ]މިހާރު އުވާލާފައި[
30 ޤާނޫނު ނަންބަރު 2011/10 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) ގެ 1 ވަނަ މާއްދާގެ (ހ)
31 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/13 ޤަޟިއްޔާ
32 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/13,14 ޤަޟިއްޔާގެ ރިޕޯޓުގެ 5 ވަނަ ޕެރެގްރާފް.
33 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/13,14 ޤަޟިއްޔާގެ ރިޕޯޓުގެ 25 ވަނަ ޕެރެގްރާފުން ފެށިގެން 30 ވަނަ ޕެރެގްރާފްގެ ނިޔަލަށް.
34 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/245 ޤަޟިއްޔާގައި ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔުގެ 10 ވަނަ ޕެރެގްރާފްގައި ފަނޑިޔާރު ވިދާޅުވެފައިވަނީ "... މުއްދަތު އިތުރުކޮށް މީރާއަށް ހައިސީއަށް ފޮނުވި ސިޓީގައި ބަޔާންކޮށްފައިވާ މުއްދަތު އެފަދައިން އިތުރުކުރެވޭނެ ޤާނޫނީ ހަމައެއް ނެތަތީ، އެފަދައިން އޮޑިޓެއްގެ ޢަދަދު ކަނޑައެޅިނަމަވެސް، އެ އަދަދަކީ ޓެކުހުގެ ގޮތުގައި ހައިސީގެ ފަރާތުން ދައްކަންޖެހޭނެ ފައިސާއެއް ނޫން..." ކަމުގައެވެ.
35 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/13,14 ޤަޟިއްޔާގެ ރިޕޯޓުގައި ހިމަނާފައިވާ 17 މާރިޗު 2021 ދުވަހު ހައިކޯޓުގައި ބޭއްވުނު އަޑުއެހުމުގެ މަހުލަރު ބަޔާން (ސޮފްޓް ކޮޕީގެ 104، 105 އަދި 107 ވަނަ ސަފުހާ)
36 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/13,14 ޤަޟިއްޔާގެ ރިޕޯޓު ގައި ހިމަނާފައިވާ 17 މާރިޗު 2021 ދުވަހު ހައިކޯޓުގައި ބޭއްވުނު އަޑުއެހުމުގެ މަހުލަރު ބަޔާން (ސޮފްޓް ކޮޕީގެ 109 ވަނަ ސަފުހާ)
37 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/18 ޤަޟިއްޔާ
38 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/13,14 ޤަޟިއްޔާގެ 30 ވަނަ ޕެރެގްރާފް.
39 ޤާނޫނު ނަންބަރު 2010/3 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 30 ވަނަ މާއްދާގެ (ހ)
40 ޤާނޫނު ނަންބަރު 2010/3 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 30 ވަނަ މާއްދާގެ (1-ނ) ގައި ބަޔާންކޮށްފައިވާ ގޮތުން، ޓެކްސް ދެއްކުމުގައި މަކަރާއި ހީލަތް ހެދުމުގެ ކުށެއް ނުވަތަ ގަސްތުގައި ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ކުށެއް ކޮށްފިކަމަށް ޝައްކުކުރެވޭނަމަ، އެ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ތާރީޚުތަކުން ފެށިގެން 3 (ތިނެއް) އަހަރު ދުވަހުގެ ތެރޭގައި، ޓެކްސްގެ މިންވަރު ކަނޑައެޅުމަށް ބޭނުންވާ ހިސާބުތަކާއި ލިޔެކިޔުންތައް ބަލާކަން އަންގާ އެންގުން މީރާއަށް ފޮނުވިދާނެއެވެ.
41 ޤާނޫނު ނަންބަރު 2010/3 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 30 ވަނަ މާއްދާގެ (ށ)
42 ޤާނޫނު ނަންބަރު 2010/3 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 30 ވަނަ މާއްދާގެ (ނ)
43 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/25 ޤަޟިއްޔާ
44 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/25 ޤަޟިއްޔާ
45 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/13 ޤަޟިއްޔާ
46 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/13 ޤަޟިއްޔާ
2023/SC-A/03 [2024] SC 55
2019/SC-A/300 [2021] SC 778
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 10/2011 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ހ) އަދި (ށ) ގެ (1) އަދި (2)
- ޤާނޫނު ނަންބަރު 10/2011 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) ގެ 12، 15 (ރ)، 16، 64 އަދި 65 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 6/2014 (ޖީ.އެސް.ޓީ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު)
- ޤާނޫނު ނަންބަރު 20/2022 (ޖީ.އެސް.ޓީ ޤާނޫނަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު)
- ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 1 ވަނަ މާއްދާގެ (ހ)، 30 ވަނަ މާއްދާ (ހ)، (ށ)، (ނ) އަދި 44 ވަނަ މާއްދާ
- ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު (29 ޑިސެންބަރު 2011)
- ޤާނޫނު ނަންބަރު 19/2010 (ޓޫރިސްޓް ޚިދުމަތްދޭ ތަންތަނުން ވިއްކާ ތަކެއްޗާއި ދޭ ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު)
- ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ގެ 12 ވަނަ މާއްދާ
- ޓޫރިސްޓް ރިޒޯޓުތަކާގުޅޭ ޙައްޤުތައް ބަދަލުކުރުމުގެ ޤަވާއިދުގެ 1، 14–26 ވަނަ މާއްދާ
- ގަވާއިދު ނަންބަރު R-43/2011 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގަވާއިދު)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 97 ވަނަ މާއްދާގެ (ށ) އަދި 274 ވަނަ މާއްދާގެ (ހ)
- [2023] SC 10 (2022/SC-A/06) ޙައްވާ މުޙައްމަދު ވ. ހައްދުންމަތީ ފޮނަދޫ ކައުންސިލް އަދި ޙުސައިން މުޙައްމަދު
- [2023] SC 45 (2022/SC-A/13) މައިނަރ އިންޓަރނޭޝަނަލް (ލަބުއާން) ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
- 2016/SC-A/18 މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް ވ. ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
- 2016/SC-A/25 ބަނީ ހޯލްޑިންގްސް (ބީ.ވީ.އައި) ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
- 2020/HC-A/01، 02 މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. ބަނީ ހޯލްޑިންގްސް (ބީ.ވީ.އައި) ލިމިޓެޑް
- 2019/HC-A/245 ހައިސީ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.