ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2023] SC 10 · 2022/SC-A/06ސުޕްރީމް ކޯޓު · 14 މާރިޗު 2023

ޙައްވާ މުޙައްމަދު ވ. ލ. ފޮނަދޫ ކައުންސިލް އަދި އިތުރު ފަރާތެއް

ސުޕްރީމް ކޯޓު
2 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 14 މާރިޗު 2023ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

` ޙައްވާ މުޙައްމަދު ވ. ހައްދުންމަތީ ފޮނަދޫ ކައުންސިލު އަދި ޙުސައިން މުޙައްމަދު

10[2023] SC ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ތާއީދު ކުރައްވާފައި)

ތަޢާރުފުމި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/79 ގަޒިއްޔާ ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫން ކަމަށް ބުނެ، ހައްދުންމަތީ ފޮނަދޫ، ޑޭޒީވިލާ، ޙައްވާ މުޙައްމަދު އިސްތިއުނާފުކޮށްފައިވާ މައްސަލައެކެވެ. އިސްތިއުނާފު ރައްދުވަނީ ހައްދުންމަތީ ފޮނަދޫ ކައުންސިލަށެވެ. މި ކޯޓުން މި މައްސަލައިގެ ތެރެއަށް ހައްދުންމަތީ ފޮނަދޫ، ޙުސައިން މުޙައްމަދު ތަދައްޚުލު ކޮށްފައިވެއެވެ.

މައްސަލައިގެ ފަސްފަހަތްހައްދުންމަތީ ފޮނަދޫ، ދަނބުގެ އަލްމަރުހޫމް މުޙައްމަދު މޫސާގެ އަންހެން ދަރިއެއްކަމުގައިވާ ހައްދުންމަތީ ފޮނަދޫ، ޑޭޒީވިލާ، ޙައްވާ މުޙައްމަދުގެ ފަރާތުން ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގައި އުފުލި ދައުވާއަކީ، 1979 ވަނަ އަހަރުގެ ތެރޭގައި، ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ހުރި ގެތައް ރަޖިސްޓްރީ ކުރިއިރު، ހައްދުންމަތީ ފޮނަދޫ ދަނބުގެ އަލްމަރްޙޫމް މުޙައްމަދު މޫސާ (މުޙައްމަދު ދީދީ) ނިޔާވެފައިވާތީ އޭނާގެ ގޯތި (ހައްދުންމަތީ ފޮނަދޫ އަލަމާގެއެވެ ކިޔާ ބަންޑާރަ ގޯތި)، ޝަރުއީ އެއްވެސް ލިޔުމެއްނެތި، އެ މަރްހޫމްގެ ހަތަރު ދަރިން ( 3 އަންހެން ދަރިންނާއި، 1 ފިރިހެން ދަރި) ތިއްބާ އެ ހަތަރު ދަރިންގެ ތެރެއިން އެއް ދަރި ކަމުގައިވާ ޙުސައިން މުޙައްމަދުއަށް ރަޖިސްޓަރީކޮށްދީފައި ވަނީ ގާނޫނާ އެއްގޮތަށް ކަމަށް ނުވާތީވެ، އަލަމާގޭގެ މިލްކުވެރިކަން 1979 ވަނަ އަހަރުގެ ކުރިން އޮތް ގޮތަށް އިއާދަކޮށްދީ، އަލަމާގޭގެ ވެރިފަރާތަކީ އަލްމަރްހޫމް މުޙައްމަދު މޫސާ (މުޙައްމަދު ދީދީ) ކަމުގައި ކަނޑައަޅައި ދިނުމަށް އެދި ހުށަހެޅި ދައުވާއެކެވެ. ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގައި މި މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 127/O8C/2018 ގަޒިއްޔާގައެވެ. ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގައި މި ގަޒިއްޔާ ކުރިއަށް ގެންދިޔައީ އެ ގަޒިއްޔާގެ ޚަސްމެއްގެ ގޮތުގައި ޙުސައިން މުޙައްމަދު ތަދައްޚުލު ކުރުވައިގެންނެވެ.

ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 127/O8C/2018 ގަޒިއްޔާހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 127/O8C/2018 ގަޒިއްޔާގެ ޙުކުމުގައި ބަޔާންކޮށްފައިވަނީ އެދުވަސްވަރަކީ ބިމާބެހޭ ގޮތުން އަމަލުކުރާނެ ވަކިގޮތެއް ނެތީސް އަދި ބިމާބެހޭ ގޮތުން ގާނޫނެއް ވުޖޫދުގައި ނެތީސް ދައުލަތުގެ ކަމާބެހޭ އިދާރާއިން އެންގި ގޮތަކަށް އެއިރަކު ހުންނަވާ އަތޮޅުވެރިއެއްގެ އެންގެވުމަށް ބިމާބެހޭ ކަންކަމުގައި އަމަލު ކުރަމުންދިޔަ ދުވަސްވަރަކަށްވާތީ، އެ އެންގުމާ އެއްގޮތަށް ފޮނަދޫ އޮފީހުން، ފޮނަދޫ އަލަމާގޭގެ ވެރިފަރާތްކަމުގައިވާ ފޮނަދޫ ދަނބުގޭ އަލްމަރުޙޫމް މުޙައްމަދު މޫސާގެ ނަން ޓިޕެކްސް ޖަހައި ފޮތުން ކެނޑުމަށްފަހު، އަލަމާގޭގެ އިމާރާތާއި ގޯތީގެ ރަޖިސްޓަރީ މަރުހޫމުގެ ދަރިންގެ ތެރެއިން ޙުސައިން މުޙައްމަދުގެ ނަމަށް ބަދަލުކޮށްފައި އޮތްއޮތުމަށް ބަދަލުގެންނާނެ ތަނެއް ނެތް ކަމަށެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމިގޮތްފޮނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 127/O8C/2018 ގަޒިއްޔާގައި ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމި ގޮތާމެދު ހިތްހަމަނުޖެހިގެން ޙައްވާ މުޙައްމަދުގެ ފަރާތުން އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/79 ގަޒިއްޔާގެ ހުކުމުން ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނިންމުމަށް ތާއީދުކޮށްފައި ވެއެވެ.

ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ނުކުތާތައްފޮނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 127/O8C/2018 ގަޒިއްޔާގައި ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމި ނިންމުމަށް ހައިކޯޓުން ތާއީދުކޮށްފައިވަނީ ގާނޫނާ އެއްގޮތަށް ނޫންކަމަށް ބުނެ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/79 ގަޒިއްޔާ އިސްތިއުނާފުކުރުމަށް ޙައްވާ މުޙައްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވެއެވެ.

ޙައްވާ މުޙައްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފީ ނުކުތާތައް ތިރީގައި މިވަނީއެވެ.

(ހ) ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމާފައިވަނީ އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ހެކިތަކަށް ބުރަދަން ދީގެން ކަމަށް ނުވުން.

(ށ) ހައިކޯޓުގެ ނަންބަރު 2020/HC-A/79 ގަޒިއްޔާ ނިންމާފައިވަނީ ކުރިން ސުޕްރީމް ކޯޓުން ނިންމާފައިވާ ޢާއިޝަތު މޫސާ ވ. ހދ. ކުޅުދުއްފުށީ ކައުންސިލް އިދާރާ އަދި އިތުރު ފަރާތެއް

ގަޒިއްޔާގައި ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށް ކަމުގައިވުން.

ޚަސްމުން ޝަރިއަތުގައި ދައްކާފައިވާ ވާހަކަތަކުގެ ޚުލާސާމި މައްސަލަ އިސްތިއުނާފުކުރާ ފަރާތް ކަމަށްވާ ޙައްވާ މުޙައްމަދުގެ ފަރާތުން ބުނެފައިވަނީ ދަށު ކޯޓުގައި މައްސަލަ ހިންގިއިރު އޭނާގެ ބައްޕަ އަލްމަރްހޫމް މުޙައްމަދު މޫސާގެ ވާރިސުންގެ ހެކިބަސް ނެގިފައިވާ ކަމަށާއި، ރަޖިސްޓަރީ ބަދަލުކޮށްފައިވަނީ ވާރިސުންނާ ސުވާލުކުރުމެއްނެތި ކަމަށާއި، ވާރިސުންގެ ތެރެއިން އެކެއްގެ ނަމަށް ރަޖިސްޓަރީ ބަދަލުކޮށްފައިވަނީ މުޙައްމަދު މޫސާގެ އެހެން ވާރިސުންގެ ރުހުން ނެތިކަން ހެކިބަސްތަކުން އެނގޭ ކަމަށެވެ. އަދި ރަޖިސްޓަރީ ބަދަލުކުރުމުގެ ކުރިން ވާރިސުންގެ ބަސް ހޯދުމަށް ޝަރުއީ ނުވަތަ އިދާރީ އިޖުރާއަތެއް ހިންގާފައި ނުވާ ކަމަށެވެ.

ޙައްވާ މުޙައްމަދުގެ ފަރާތުން އިތުރަށް ބުނެފައިވަނީ ފޮނަދޫ ކައުންސިލުގެ އިދާރާގެ 401-E/2018/2 ނަންބަރު ލިޔުން ކޯޓަށް ހުށަހަޅާފައިވާ ކަމަށާއި، އެ ލިޔުމަށް އެއްވެސް ބުރަދަނެއް ދީފައިނެތް ކަމަށެވެ. އަދި ކައުންސިލުގެ މި ބަޔާންކުރި ރަސްމީ ލިޔުމުން އަލަމާގޭގެ ރަޖިސްޓަރީ ޙުސައިން މުޙައްމަދުގެ މައްޗަށް ބަދަލު ކުރެވިފައިވަނީ ހުސައިން މުޙައްމަދުގެ އުމުރުން 8 އަހަރުގައި ކަމަށާއި، އެކަން ކޮށްފައިވަނީ އެއްވެސް ޝަރުއީ ލިޔުމެއް ނެތިކަން އެނގޭ ކަމަށެވެ. އަދި އެ ލިޔުމުން އެނގޭ ގޮތުގައި "އޭރު އޮތް ރަށު އޮފީހުގެ ރަޖިސްޓަރީ ފޮތުގައި ގޯތި ހަވާލުކުރެވުނު ފަރާތާއި އިމާރާތުގެ ވެރިފަރާތް ކަމަށް ]އޮތް[ މުޙައްމަދު މޫސާ ]ގެ[ ނަމުގެ ބަދަލުގައި ފޮތުގައި ޓިޕެކްސް ޖެހުމަށްފަހު އޭނާގެ ފިރިހެން ދަރި އަލަމާގޭ ޙުސައިން މުޙައްމަދުގެ ނަންޖަހައި ޙުސައިން މުޙައްމަދު ]ގެ[ ނަމަށް ބަދަލުކުރީ" އެވެ. އެހެންކަމުން ދަށު ކޯޓުންނާއި ދިވެހިރާއްޖޭގެ ހައިކޯޓުން މި ކިތާބީ ހެއްކަށް ބުރަދަން ދީފައި ނެތް ކަމަށް ޙައްވާ މުޙައްމަދުގެ ފަރާތުން ބުނެފައި ވެއެވެ.

މީގެ އިތުރަށް ޙައްވާ މުޙައްމަދުގެ ފަރާތުން ބުނެފައިވަނީ މުޙައްމަދު މޫސާ ނިޔާވުމަށްފަހު، އެ މަރުހޫމުގެ ފިރިހެން ދަރި ހުސައިން މުޙައްމަދުގެ ނަމަށް އަލަމާގޭ ގޯތީގެ ރަޖިސްޓަރީ ބަދަލުކުރީ އޭރު އަމަލުކުރަމުންދިޔަ އިޖުރާއަތުގެ ތެރެއިން ކަމަށް ކައުންސިލުގެ ފަރާތުން ބުނާބުނުމަށް އިއުތިރާޒުކުރާ ކަމަށެވެ.

ޙުސައިން މުޙައްމަދު ގެ ފަރާތުން ބުނެފައިވަނީ ގޯތީގެ ރަޖިސްޓަރީ ބަދަލުކުރީ ޝަރުއީ ލިޔުމެއް ނެތިކަމަށް ދައްތަ ޙައްވާ މުޙައްމަދު ބުނާއިރު، އޭރު ހުންނަނީ އަތޮޅުވެރިއެއް ކަމަށާއި، ކަންކަން ނޯޓުކުރަން އޮންނަނީ ފޮތެއް ކަމަށާއި، ޙުސައިން މުޙައްމަދުގެ ބައްޕަ ނިޔާވިއިރު ރަޖިސްޓަރީ ހަދައިދެމުން ނުގެންދާ ކަމަށެވެ. އަދި ހުރިހާ ބާރެއް އޮންނަނީ އަތޮޅުވެރިޔާގެ އަތުގައި ކަމަށާއި، އޭރު މިފަދަ ކަންކަމުގައި ގޮތް ނިންމާ ފަރާތަކީ އަތޮޅުވެރިޔާ ކަމަށެވެ. އެހެންވީމާ އިތުރު ޝަރުއީ ލިޔުމެއް އޮންނަން ނުޖެހޭ ކަމަށާއި އޮންނަންޖެހެނީ އެ ނޯޓު ފޮތް އެކަނި ކަމަށެވެ. ހައްދުންމަތީ ފޮނަދޫ ކައުންސިލުން ބުނެފައިވަނީ އެ ފޮތުގައި އޮތީ ކުރިން ލިޔެފައި އޮތް ނަމުގެ މަތީގައި ޓިޕެކްސް ޖަހައި ކެނޑުމަށްފަހު ޙުސައިން މުޙައްމަދުގެ ނަން ޖަހާފައި ކަމަށެވެ. ނަމަވެސް ޙުސައިން މުޙައްމަދު ބުނެފައިވަނީ އެތަނުގައި ޓިޕެކްސް ޖަހައި ކަނޑާފައި އޮތުމުން އެތަނުގައި ކުރިން އޮތީ އޭނާގެ ބައްޕަގެ ނަންކަން އެނގޭނެ ގޮތެއް ނެތް އިރު، އަދި އޭރު އޮފީހުގައި މަސައްކަތްކުރި މުވައްޒަފުން މަރުވެފައިވާއިރު އެ ތަނުގައި އޮތީ އޭނަގެ ބައްޕަގެ ނަންކަމަށް ކައުންސިލުން ބުނާ ސަބަބެއް ނޭނގޭ ކަމަށެވެ.

ހުސައިން މުޙައްމަދު ބުނެފައިވަނީ މި މައްސަލަ ހުށަހެޅުމުން ފޮނަދޫ ކޯޓުގައި މުޙައްމަދު މޫސާގެ ވާރިސުންގެ ހެކިބަސް ނަގާފައިވާ ކަމަށާއި، ޙުސައިން މުޙައްމަދުގެ ނަމުގައި ގޯތި ރަޖިސްޓަރީކުރި ކަމުގެ މައުލޫމާތު އެފަރާތްތަކަށް ލިބިފައިވާ ކަމަށާއި، ނަމަވެސް ރަޖިސްޓަރީކުރުމަށް އެއްވެސް ފަރާތަކުން ވާރިސުންނާ ސުވާލުކޮށްފައި ނުވާ ކަމަށެވެ.

ޙުސައިން މުޙައްމަދު ބުނެފައިވަނީ އޭރު ތަރިކަ ބަހަމުން ގެންދިޔަ އުސޫލުން ތަރިކަ ބަހައި ނިމިފައިވާ ކަމަށާއި، އަދި އެއްވެސް ވާރިސަކު 40 އަހަރުވަންދެން މައްސަލަ ހުށައަޅާފައި ނުވާކަމަށާއި، އަދި އޭނާގެ މަންމަވެސް ގޯތީގެ ރަޖިސްޓަރީ ހަދަން ހުއްދަ ދީފައިވާ ކަމަށް ހެކިންވެސް ބުނެފައިވާ ކަމަށެވެ. އަދި އޭނައަށްވުރެ ދޮށީ ހުރިހާ ދައްތަމެން މީހުންނާ އިނދެގެން ގެ ދޫކޮށްފައި ދިޔައީ ކަމަށާއި، އަދި އެއަށްފަހު އެގޭގައި އުޅުނީ އޭނާ ކަމަށާއި، ގެ ހަދައި ގެ އާރާސްތުކުރީ އޭނާ ކަމަށެވެ. އަދި އެއްވެސް މީހަކު މިދިޔަ 40 އަހަރު މައްސަލަ ޖައްސާފައި ނުވާ ކަމަށާއި ކައުންސިލުންވެސް އެއީ ޙުސައިން މުޙައްމަދުގެ ގެއެއް ކަމަށް ބުނެފައިވާ ކަމަށެވެ.

ޙުސައިން މުޙައްމަދު ބުނެފައިވަނީ ކުރިން ސުޕްރީމް ކޯޓުން ނިންމާފައިވާ ޢާއިޝަތު މޫސާ ވ. ހދ. ކުޅުދުއްފުށީ ކައުންސިލް އިދާރާ އަދި އިތުރު ފަރާތެއް މައްސަލައާއި މި މައްސަލަ ތަފާތުވާ ކަމަށާއި، ސަބަބަކީ އެ މައްސަލައިގައި ތަރިކަ ބެހީ މާފަހުން 2010 ގައި ކަމަށާއި، މި މައްސަލައިގައި ގޯތި ޙުސައިން މުޙައްމަދަށް ރަޖިސްޓަރީ ކޮށްދިނުމުގެ ކުރިން އޭރު އެ ޒަމާނުގައި އަމަލުކުރަމުންދިޔަ ގޮތަށް މަރްހޫމް މުޙައްމަދު މޫސާގެ ތަރިކަ އޮތީ އޭރު ބެހިފައި ކަމަށެވެ.

ޙުސައިން މުޙައްމަދު ބުނެފައިވަނީ ބައްޕަގެ ނަމުގައި ގޯތީގެ ރަޖިސްޓަރީ ފުރަތަމަ އޮތް ކަމަށް ބުނާއިރު ފުރަތަމަ ރަޖިސްޓަރީތައް އެކުލަވައިލެވެންފެށީ 1970ގެ އަހަރުތަކުގައި ކަމަށާއި އެހެންކަމުން މި ގޯއްޗަށް ފުރަތަމަ ރަޖިސްޓަރީއެއް ހަދައިދޫކުރީ އޭނާގެ ނަމުގައި ކަމަށެވެ. އަދި ބައްޕަގެ ނަމުގައި ގޯތި އޮތްކަމަށް ބުނާ ދުވަސްވަރު ހުރީ ކުޑަކުޑަ ތަންކޮޅެއް ހަދާފައި ކަމަށާއި، ގޯތީގެ ބޮޑުމިން ސީދާ ކަނޑައެޅިގެން އެނގެން ނެތް ކަމަށާއި، ގޯތި މިހާރު ދީފައިވާ ބޮޑުމިނުގައި ބައްޕައަށް ދީފައި އޮތްކަން އެނގެން ނެތް ކަމަށެވެ.

އެހެންކަމުން ބައްޕަގެ ތަރިކަ މުދަލުގައި ހިމެނެނީ މިހާރު ޙުސައިން މުޙައްމަދުގެ ނަމުގައި ދޫކޮށްފައިވާ ގޯތީގެ ބޮޑުމިނުގައިތޯ ނޫނީ ކުރިން ބައްޕަ ހެދި ކުޑަކުޑަ ގެ ހުރި މިންވަރުގައިތޯ ވެސް ޝަރިއަތުން ސާފުކޮށްފައި ނުވާކަމަށް ޙުސައިން މުޙައްމަދު ބުނެފައި ވެއެވެ. އެހެނީ ބައްޕަގެ ތަރިކައިގައި މި ގޯތި މި ބޮޑުމިނުގައި އޮތްކަމެއް ސާފެއް ނުވާ ކަމަށެވެ.

ޙުސައިން މުޙައްމަދު ބުނެފައިވަނީ ހާޒިރުކުރެވުނު ހުރިހާ ހެކިންގެ ހެކިބަހުންވެސް ގޯތީގެ މިލްކުވެރިކަމާ މެދު އަމަލުކުރެވުނީ މިގޮތަށްކަން އެނގިފައިވާ ކަމަށެވެ.

އަދި މި މައްސަލަ ހުށަނާޅައި ދައްތަ 40 އަހަރު މަޑުކުރި ސަބަބެއް ނޭނގޭ ކަމަށް ޙުސައިން މުޙައްމަދު ބުނެފައިވެއެވެ. އަދި ޙުސައިން މުޙައްމަދުއާއި ދައްތަ ޙައްވާ މުޙައްމަދުއާ އާއިލީ މައްސަލަ ޖެހުނު ދުވަސްވަރު މި މައްސަލަ ހުށަހެޅިކަން ފާހަގަކުރެވޭ ކަމަށް ބުނެފައިވެއެވެ. ނަމަވެސް މި މައްސަލަ ހުށަހެޅިއިރު ގާނޫނުތައް މިވަނީ ބަދަލުވެފައި ކަމަށާއި، ހައިކޯޓުގެ ގަޒިއްޔާގެ ހުކުމުގެ 20 ވަނަ ޕެރެގްރާފުގައި ފާހަގަކުރި ގޮތަށް މި ބާވަތުގެ މައްސަލަތަކުގައި ލިމިޓޭޝަންއެއް އޮންނަންޖެހޭ ކަމަށާއި، އަދި ގާނޫނުތައް ތަހުޒީބުވާ ކޮންމެ ފަހަރަކު ކުރިން ނިންމާފައިހުރި ހުރިހާ ނިންމުންތައް ބަދަލުކުރުމަކީ ގާނޫނުތަކުގެ މަގްސަދު ގެއްލޭ ކަމެއް ކަމަށް ޙުސައިން މުޙައްމަދުގެ ފަރާތުން ބުނެފައި ވެއެވެ.

ޙުސައިން މުޙައްމަދުގެ ފަރާތުން ބުނެފައިވަނީ މިލްކުވެރިކަން ބަދަލުކުރުމުގެ ގާނޫނުގެ ތެރެއަށް ތަރިކައިގެ މައްސަލަތައް ނުވަންނަ ކަމަށާއި، އެ ގާނޫނުގެ ތެރެއަށް ވަންނަނީ ވިއްކުންފަދަ ކަންކަން ކަމަށެވެ.

މި މައްސަލައިގައި ކިތާބީ ހެއްކެއް އޮންނަންޖެހޭ ހާލަތުގައި ހުށަހަޅާފައިވާ ހަމައެކަނި ހެއްކަކީ ގޯއްޗަށް ޙުސައިން މުޙައްމަދުގެ ނަމުގައި ހަދާދީފައިވާ ގޯތީގެ ރަޖިސްޓަރީ ކަމަށް ޙުސައިން މުޙައްމަދު ބުނެފައިވެއެވެ. މީގެ އިތުރުން ޙުސައިން މުޙައްމަދުގެ ފަރާތުން ބުނެފައިވަނީ، ކައުންސިލުން ދޫކުރި 401-E/2018/2 ނަންބަރު ލިއުމަކީ ގަބޫލުކުރެވޭނެ ލިޔުމެއް ނޫން ކަމަށާއި، ސަބަބަކީ އެ ލިޔުން އެ މައްޗަށް ބިނާކޮށްފައިވާ ފޮތުގައިވަނީ ޓިޕެކްސް ޖަހައި ކަނޑާފައި ކަމަށާއި އޭގެ ކުރިން ލިޔެފައި އޮތް އެއްޗެއް ކިޔަން ނޭނގޭ ކަމަށާއި، އަދި އެއިރު އޮފީހުގައި އުޅުނު މުވައްޒަފުން މަރުވެ ގޮސްފައިވުމުން، ކައުންސިލުން ދޫކޮށްފައިވާ ލިޔުމުގެ އިތުބާރެއް ނެތް ކަމަށެވެ.

ޙުސައިން މުޙައްމަދު ބުނެފައިވަނީ މިކަމުގައި އޭނާގެ އެއްވެސް ކުށެއް ނެތް ކަމަށެވެ. އޭނާއަށް 8 އަހަރުގައި އޭރުގެ ރަށު އޮފީހުންނާއި އަތޮޅުވެރިޔާ ވަކިގޮތަކަށް ދައުލަތުގެ ނަމުގައި ގޮތެއް ކަނޑައަޅާފައިވަނިކޮށް، ގާނޫނަށް އައި ބަދަލެއްގެ ސަބަބުން، 40 އަހަރުވަންދެން ޙުސައިން މުޙައްމަދުގެ ދިރިއުޅުމަށް ދައުލަތުން ހަވާލުކުރި ގޯތި މިދަނީ ނިގުޅިގެން ކަމަށެވެ. އަދި ގާނޫނު މިވަގުތު މިއޮތީ ޙުސައިން މުޙައްމަދުއަށް އިންސާފު ހޯދުމަށް ނުކުޅެދިގެން ކަމަށެވެ.

މިހާ ގިނަ ދުވަހު އެނގި ތިބެ މި މައްސަލަ ފެންމަތި ނުކޮށް ތިބިތިބުމުން ގޯތި ޙުސައިން މުޙައްމަދުއަށް ދިނުމަށް އެއްބަސްވި ކަމަށް ނުބެލެވޭނެތޯ ޙުސައިން މުޙައްމަދު ސުވާލު އުފައްދާފައި ވެއެވެ. އަދި ތަރިކަ މައްސަލަތަކުގައި ގިނަ ދުވަސްވުމުން ރުހުން ދިންކަމަށް ބެލެވޭނެ ހާލަތެއް ނެތްތޯ އާއި މިކަން އިސްލާމްދީނުގައި އޮންނަނީ ކިހިނެތްތޯ ޙުސައިން މުޙައްމަދު ސުވާލު ކޮށްފައިވެއެވެ. އަދި އެއްޗަކަށް ރުހުމަކީ އޭގެ ތެރެއިން ނުކުންނަ އެއްޗަކަށްވެސް، އަދި އޭގެ ސަބަބުން ދިމާވާ ކަމަކަށްވެސް ރުހުންކަމަށް ބުނާ ގާއިދާއެއް ވެސް އޮންނަކަމަށް ޙުސައިން މުޙައްމަދު ބުނެފައިވެއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމަށް ވާސިލުވި ސަބަބުތައް ހައިކޯޓުގެ ނިންމުން ބިނާކޮށްފައިވަނީ އަންނަނިވި ސަބަބުތަކުގެ މައްޗަށެވެ.

(ހ) އަލްމަރްޙޫމް މުޙައްމަދު މޫސާގެ ތަރިކައިގެ އެއްވެސް މައްސަލައެއް އެއްވެސް ކޯޓަކަށް ހުށަހެޅިފައި ނެތުން.

(ށ) އަލްމަރްޙޫމް މުޙައްމަދު މޫސާގެ ތަރިކައަކީ ކޮބައިކަން އަދި ވާރިސުންނަކީ ކޮބައިކަން ކޯޓަކުން ކަނޑައަޅާފައި ނެތުން.

(ނ) ފޮނަދޫ އަލަމާގެ އެވެ ކިޔާ ބަންޑާރަ ގޯތީގައި ހުރި އިމާރާތްތަކާއި ނުއުފުލޭ މުދަލަކީ މަރްހޫމް މުޙައްމަދު މޫސާގެ ތަރިކަ މުދާ ކަމުގައި އެއްވެސް ޝަރުއީ ކޯޓަކުން ކަނޑައަޅާފައި ނެތުން.

(ރ) ފޮނަދޫ އަލަމާގެ ގޯތީގެ ރަޖިސްޓަރީ އަލްމަރްހޫމް މުޙައްމަދު މޫސާގެ ނަމުގައި ހަދާފައިވާ ކަމުގެ އެއްވެސް ލިޔުމެއް ޙައްވާ މުޙައްމަދުގެ ފަރާތުން ޝަރިއަތަށް ހުށަހަޅާފައި ނެތުން.

(ބ) ފޮނަދޫ ކައުންސިލުން ބުނެފައިވާ ގޮތުން އެ ގޯއްޗަށް ހަދައި ދޫކުރެވުނު ފުރަތަމަ ރަޖިސްޓަރީ ހަދައި ދޫކުރެވުނީ ޙުސައިން މުޙައްމަދުގެ ނަމުގައި ކަމަށް ވުން.

(ޅ) ޙުސައިން މުޙައްމަދުގެ ނަމުގައި ގޯތީގެ ރަޖިސްޓަރީ ހެދުމުގައި ޚިލާފުވެފައިވަނީ ކޮން ގާނޫނީ އުސޫލަކާކަން ޙައްވާ މުޙައްމަދުއަށް ބުނެދެވިފައި ނެތުން.

(ކ) މި މައްސަލައަށް ޢާއިޝަތު މޫސާ ވ. ހދ. ކުޅުދުއްފުށީ ކައުންސިލް އިދާރާ އަދި އިތުރު ފަރާތެއް ގަޒިއްޔާއިން ކަނޑައަޅާފައިވާ އުސޫލު ތަތުބީގު ނުކުރެވޭނެ ކަން. ސަބަބަކީ އެ މައްސަލައިގައި ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 17/B12C/2010 ގަޒިއްޔާގައި ސައިމާގޭ ގޯތީގައި ހުރީ އެހެން ފަރާތެއްގެ ތަރިކަ މުދާކަމަށް ކަނޑައެޅިފައިވާއިރު މި މައްސަލައިގައި ހިމެނޭ އަލަމާގޭ ގޯތީގައި ހުރި ނުއުފުލޭ މުދަލަކީ މަރްހޫމް މުޙައްމަދު މޫސާގެ ތަރިކަ މުދާކަން ޝަރުއީ ކޯޓަކުން ކަނޑައަޅާފައި ނެތުން.

(އ) މިކަން މިގޮތަށް އޮވެ އެތަނުގައި ޙުސައިން މުޙައްމަދު 5 ކުދިންނާއެކު ދިރިއުޅޭތާ 40 އަހަރުވެފައި ވުން.

(ވ) މުޙައްމަދު މޫސާ ނިޔާވިއިރު އަލަމާގެ އެވެ ކިޔާ ގޯތީގައި އުވަ ދަވައިގެން ރާނައި، ފަނުން ހިޔާކޮށްފައިވާ ކުޑަވަރެއްގެ ގެއެއް ހުރިކަމަށް ޙުސައިން މުޙައްމަދުގެ ތިން އުޚްތުން ދަށު ކޯޓުގައި ބުނެފައިވާތީވެ، ބަހުސްގެ ބޭނުމަށް އަލަމާގޭ ގޯތީގައި މަރްހޫމް މުޙައްމަދު މޫސާގެ ތަރިކަ ހުރި ކަމުގައި ބެލި ނަމަވެސް، އެ ބަންޑާރަ ގޯތި ރަޖިސްޓަރީކޮށްދީފައިވަނީ މުޙައްމަދު މޫސާގެ ވާރިސެއްކަމަށްވާ ޙުސައިން މުޙައްމަދުއަށް ކަން އެނގެން އޮތް އިރު، ބަންޑާރަ ގޯތި ބައިނުކޮށް ވާރިސުންގެ ތެރެއިން ވަކި މީހަކަށް ހަމަޖައްސައި ދިނުމަކީ އެދުވަސްވަރު ދިވެހިރާއްޖޭގައި އަމަލުކުރި ގާނޫނަކުން ނުވަތަ ގަވާއިދަކުން މަނާކޮށްފައިވާ ކަމެއްކަން ހައްވާ މުހައްމަދުގެ ފަރާތުން ދައްކައި ދެވިފައި ނެތުން. އެ މަރުހޫމުގެ ތަރިކަ އެތަނުގައި ހުރި ނަމަ އެކަން ސާބިތުކޮށް އެ ތަރިކައިން ހައްގުވާ މިންވަރު ހޯދުމަކީ އަލްމަރްހޫމް މުޙައްމަދު މޫސާގެ ވާރިސުންނަށް އޮތް ހައްގެއް ކަމަށްވުން.

މި މައްސަލައިގައި ހައިކޯޓުން ނިންމި ނިންމުމުގައި ބުނެފައިވަނީ ވާގިއީ ފަރަގުތަކެއް ހުރުމުގެ ސަބަބުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ޢާއިޝަތު މޫސާ ވ. ހދ. ކުޅުދުއްފުށީ ކައުންސިލް އިދާރާ އަދި އިތުރު ފަރާތެއް ގަޒިއްޔާގައި އެކަށާއަޅާފައިވާ އުސޫލު މި މައްސަލައަށް ތަތުބީގުނުކުރެވޭނެ ކަމަށެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ހުކުމުގައި ބުނެފައިވަނީ ޢާއިޝަތު މޫސާ ވ. ހދ. ކުޅުދުއްފުށީ ކައުންސިލް އިދާރާ އަދި އިތުރު ފަރާތެއް ގަޒިއްޔާގައި ހިމެނޭ ހދ. ކުޅުދުއްފުށީ ސައިމާގެ އެވެ ކިޔާ ގޯއްޗަކީ ޢައިޝަތު މޫސާގެ ބައްޕަ އަލްމަރްހޫމް މޫސާ އިބްރާހިމްގެ ތަރިކައިގައި ހިމެނޭ ގެއެއް ކަމަށް ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 17/B12C/2010 ގަޒިއްޔާގައި ކަނޑައަޅާފައިވާ ކަމަށާއި، މޫސާ އިބްރާހިމްގެ ފިރިހެންދަރި އަބްދުލްކަރީމް މޫސާއަށް ހަދައިދީފައިވާ ރަޖިސްޓަރީ ސުޕްރީމް ކޯޓުން އެ ގަޒިއްޔާގައި ބާތިލުކުރީ، ސައިމާގެ އެވެ ކިޔާ ބަންޑާރަ ގޯތީގައިވާ ގެއަކީ އައިޝަތު މޫސާގެ ބައްޕަ އަލްމަރްހޫމް މޫސާ އިބްރާހިމްގެ ތަރިކައިގައި ހިމެނޭ ގެއްކަމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 17/B12C/2010 ގަޒިއްޔާގައި ހުކުމްކޮށްފައިވާތީވެ، މިލްކުވެރިކަން ބަދަލުކުރެވޭ މުއާމަލާތެއްގެ ތެރެއިން އަބްދުލްކަރީމް މޫސާއަށް އެ ގޭގެ މިލްކުވެރިކަން ބަދަލުވެފައި ނެތުމުން ކަމަށެވެ. އަދި އެގޮތުން ޢާއިޝަތު މޫސާ ވ. ހދ. ކުޅުދުއްފުށީ ކައުންސިލް އިދާރާ އަދި އިތުރު ފަރާތެއް ގަޒިއްޔާއިން ކަނޑައެޅިފައިވާ އުސޫލަކީ ތަރިކަ މުދަލެއް ކަމަށް ސާބިތުވެފައިވާ ގެއަކާއި ނުއުފުލޭ މުދަލެއްގެ މިލްކުވެރިކަން ބަދަލުކުރެވޭނީ އެ މުދާ ތަރިކައިގެ އުސޫލުން ލިބޭ ބައެއްގެ މެދުގައި އަމަލުކުރެވޭ ޝަރުއީ އަދި ގާނޫނީ އުސޫލުތަކުގެ މަތިން ކަމަށެވެ. އެ އުސޫލަށް ބަލާއިރު އަތުގައި އޮތް މި މައްސަލައިގައި ފޮނަދޫ އަލަމާގޭ ގޯތީގައި އަލްމަރްހޫމް މުޙައްމަދު މޫސާގެ ތަރިކައެއް ހުރިކަން ޝަރުއީ މަރުހަލާއަކުން ސާބިތުކޮށްފައިނުވާ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ހުކުމުގައި ބުނެފައި ވެއެވެ.

ސާބިތުވާ ކަމަށް ދަށު ކޯޓާއި ހައިކޯޓުން ކަނޑައަޅާފައިވާ ވާގިއާތައްފޮނަދޫގައި ގޯތި ދޫކޮށް ނޯޓުކުރާ ފޮތުގައި އެ ރަށު އަލަމާގެ އެވެ ކިޔާ ގޯތި ހަވާލުކުރެވިފައިވާ ފަރާތުގެ ނަން ޓިޕެކްސް ޖަހައި ކެނޑުމަށްފަހު، އެ ޓިޕެކްސްގެ މަތީގައި ގޯތި ހަވާލުކުރެވިފައިވާ ފަރާތުގެ ގޮތުގައި ޙުސައިން މުޙައްމަދުގެ ނަން ލިޔުމުގެ ކުރިން އެ ފޮތުގައި ފޮނަދޫ އަލަމާގެ ގޯތި ހަވާލުކުރެވިފައިވާ ފަރާތެއްގެ ގޮތުގައި ލިޔެފައި އޮތީ އަލްމަރްހޫމް މުޙައްމަދު މޫސާގެ ނަންކަން ފޮނަދޫ ކައުންސިލުގެ އިދާރާގެ401-E/2018/2 ނަންބަރު ލިޔުމުންނާއި ހެކިންގެ ހެކިބަހުން ސާބިތުވެއެވެ. އަދި އެގޭގައި ތަނެއް ހަދައިގެން ޢާއިލާ ގޮވައިގެން ދިރިއުޅެމުން އައީ އަލްމަރްޙޫމް މުޙައްމަދު މޫސާ ކަމަށްވާތީވެ، އެ ގޯއްޗަކީ މުޙައްމަދު މޫސާއަށް ދޫކޮށްފައި އޮތް ގޯއްޗެއްކަން ސާބިތުވެއެވެ.

ފޮނަދޫގައި ގޯތި ދޫކޮށް ނޯޓުކުރާ ފޮތުގައި އެ ރަށު އަލަމާގެ އެވެ ކިޔާ ގޯތި ހަވާލުކުރެވިފައިވާ ފަރާތުގެ ނަން ޓިޕެކްސް ޖަހައި ކެނޑުމަށްފަހު، އެ ޓިޕެކްސްގެ މަތީގައި ގޯތި ހަވާލުކުރެވިފައިވާ ފަރާތުގެ ގޮތުގައި މުޙައްމަދު ޙުސައިންގެ ނަން ލިޔެފައިވަނީ ޙުސައިން މުޙައްމަދުގެ ޢުމުރުން 8 އަހަރުގައި ކަން ސާބިތުވެއެވެ.

އަލްމަރްޙޫމް މުޙައްމަދު މޫސާ ނިޔާވެފައިވަނީ އޭނާގެ ދަރި ޙުސައިން މުޙައްމަދުގެ އުމުރުން 1 އަހަރުގައިކަން ސާބިތުވެއެވެ.

ޙުސައިން މުޙައްމަދުގެ ޢުމުރުން 8 އަހަރުގައި ޙުސައިން މުޙައްމަދުގެ ނަމުގައި އަލަމާގޭ ގޯތީގެ ރަޖިސްޓަރީ ހަދައިދީފައިވަނީ ޙުސައިން މުޙައްމަދު އަކީ އަލްމަރްޙޫމް މުޙައްމަދު މޫސާގެ ވާރިސަކަށް ވާތީވެއެވެ.

ޙުސައިން މުޙައްމަދު ފޮނަދޫއިން ގޯއްޗަކަށް އެދިފައި ނުވެއެވެ.

ޙުސައިން މުޙައްމަދުގެ ބައްޕަގެ ނަމުގައި ގޯތި އޮތްކަމަށް ބުނާ ދުވަސްވަރު އެގޭގައި ކުޑަކުޑަތަންކޮޅެއް ހަދާފައި ހުރިކަމަށް ޙުސައިން މުޙައްމަދު އިއުތިރާފުވެފައި ވެއެވެ. އަދި ދަށު ކޯޓުގެ ޝަރިއަތަށް 27 ޖަނަވަރީ 2017 ގައި ހައްދުންމަތީ ކައުންސިލުން ދީފައިވާ ބަޔާނުގައި އެ ގޯތީގައި ވަރަށް ކުޑަކޮށް ފަނުން ގެ ހަދައިގެން އުޅުމަށްފަހު އުވަދަވައިގެން ކުޑަކުޑަކޮށް ރާނައި ފަނުން ހިޔާކޮށްގެން އުޅުނު ގެއެއް ހުރި ކަމުގައި ބުނެފައިވެއެވެ.

ދިވެހިރާއްޖޭގެ ގާނޫނާއި މުދާމުދަލާބެހޭ ގާނޫނަކީ މުދާ ލިބި، ބޭނުންކޮށް، މުދަލުގެ މިލްކުވެރިކަން ނަގުލުވުމާބެހޭ އުސޫލުތައް ބަޔާންކުރާ ގާނޫނެވެ. ދިވެހިރާއްޖޭގެ މުދަލާބެހޭ ގާނޫނުގައި، މުދަލަކީ އެ އެއްޗެއް ލިބިގަނެ، ބޭނުންކޮށް، ބޭނުންވެއްޖެ ނަމަ އެހެން ފަރާތަކަށް ތަސައްރުފް ކުރެވިދާނެ، އަގެއް ހުރި ކޮންމެ އެއްޗެކެވެ. އެ އެއްޗަކީ ދުނިޔަވީ ގޮތުން އަގެއް ހުރެދާނެ އަދި ލިބިގަނެ، ބޭނުންކޮށް، ތަސައްރުފްކުރެވިދާނެ އެއްޗެއް ކަމަށް ވީނަމަވެސް، ބައެއް ތަކެއްޗަކީ އަޚްލާގީ، ދީނީ އަދި ގާނޫނީ ސަބަބުތަކަށްޓަކައި، މުދަލެއް ކަމަށް ނުބެލެވެއެވެ.

މައިގަނޑު ދެ ބަޔަކަށް މުދާ ބެހިގެންވާކަމަށް ދިވެހިރާއްޖޭގެ މުދަލާބެހޭ ގާނޫނު ގަބޫލުކުރެއެވެ. އެއީ މާއްދީ މުދަލާއި ޣައިރު މާއްދީ މުދަލެވެ. އޭގެ ތެރެއިން މާއްދީ މުދައު ދެ ބަޔަކަށް ބެހިގެންވެއެވެ. އެއީ އުފުލޭ މުދަލާއި ނުއުފުލޭ މުދަލެވެ. ނުއުފުލޭ މުދަލުގެ ތެރޭގައި ހިމެނެނީ ބިމާއި ބިމުން ލިބޭ މަންފާތަކާއި، ދާއިމަށް ބިމާ ގުޅިފައިވާ ނުވަތަ ހަރުކޮށްފައިވާ ތަންތަނާއި ތަކެއްޗެވެ. އުފުލޭ މުދަލަކީ ހިފައި ގެންގުޅޭ އަދި އެއްތަނުން އަނެއް ތަނަށް ގެންދެވޭ ތަކެއްޗެވެ. މުދަލުގެ ބާވަތްތައް މި ބައިތަކަށް ވަކިކޮށް އެކަށައަޅަންޖެހޭ ސަބަބަކީ އެކިއެކި ބާވަތްތަކުގެ މުދަލާ ގުޅިފައި ހުންނަ ހައްގުތަކުގެ ތަބީއަތު ތަފާތުވުމާއެކު އެ މުދަލާމެދު ގާނޫނީ ގޮތުން އަމަލުކުރެވޭ ގޮތްތަކުގައި ފަރަގުތަކެއް ހުންނާތީއެވެ. މި ފަރަގުތަކުގެ ތަފްސީލު މި މައްސަލައަށް ބޭނުންވާ މިންވަރަށް ފަހުން އެބަ ބަޔާންކުރަމެވެ. ކޮންމެ ގޮތަކަށް މުދާ އެކި ބައިތަކަށް ބެހި ނަމަވެސް، މުދަލެއްގެ ގޮތުގައި އެއްޗެއް ގިންތިކުރެވޭނީ މުދަލެއްގައި ހުންނަންޖެހޭ ވަކި އަސާސީ ސިފަތަކެއް އެ އެއްޗެއްގައި ހުރުމުންނެވެ. އެގޮތުން، އެ އެއްޗަކީ ފައިސާއިން އަގުކުރެވޭ އެއްޗަކަށް ވުމުގެ އިތުރުން، ބޭނުންވެއްޖެ ހާލަތެއްގައި އެއެއްޗެއްގެ މިލްކުވެރިކަން އެކަކުގެ ކިބައިން އަނެކަކަށް ނަގުލުކުރެވިދާނެ އެއްޗަކަށް ވާންޖެހޭނެއެވެ. މާއްދީ މުދަލަކަށް ވިޔަސް އަދި ޣައިރު މާއްދީ މުދަލަކަށް ވިޔަސް އެ އެއްޗެއްގެ މިލްކުވެރިކަން އެކަކުގެ ކިބައިން އަނެކަކަށް ނަގުލުކުރެވޭނީ، ނަގުލުކުރެވޭ އެއްޗަކީ ކޮބައިކަން ނުވަތަ އެއްޗެއްގެ މިންވަރު ނުވަތަ އެއެއްޗެއްގެ ހިއްސާ ކަނޑައެޅިގެން އެނގޭނެ ގޮތަކަށް ހުރެމެ، އެއެއްޗެއް ވަކިކޮށް އެހެން މީހަކަށް ނަގުލުކުރެވޭނެ ތަބީއަތު އެއެއްޗެއްގައި ހުރިނަމައެވެ. ޓެކްނޮލޮޖީގެ ގޮތުން ކުރިއަރައި ތަރައްގީވުމުގެ ތެރެއިން އަލަށް އުފެދޭ އައު ބާވަތްތަކުގެ މުދަލުގައިވެސް، މުދަލަކަށް ވުމަށްޓަކައި އެ އެއްޗެއްގައި މި ބަޔާންކުރި ސިފަތައް ހުންނަންވާނެއެވެ.

މުދަލާއި މިލްކުވެރިކަމާއި މިއީ ވަރަށް އެއްގޮތް ސިފަތަކެއް ހުންނަ ދެ މަފްހޫމެވެ. މިލްކުވެރިކަމަކީ މުދަލެއްގެ މައްޗަށް މީހެއްގެ ވެރިކަން އޮވެ، އެ މުދަލަކުން ތަސައްރުފުކުރުމުގެ ބާރު އޭނާއަށް އޮތުމެވެ. މިލްކުވެރިކަމުގެ އެކިއެކި ދަރަޖަތައް ހުރެއެވެ. އަދި މިލްކުވެރިކަމުގެ އެކިއެކި ދަރަޖަތަކަށް ތަފާތު ނަންނަމުން މުޚާތަބުކުރެވި، އެ ދަރަޖަތަކުގެ ހައްގުތައް އެކަށައެޅި، އެއިން ކޮންމެ ދަރަޖައަކާ ގުޅިފައިވާ ހައްގުތަކުގެ އިން ކަނޑައެޅި ބަޔާންވެގެންވެއެވެ. އޭގެ ތެރޭގައި ފުރިހަމަ މިލްކުވެރިކަމާއި، އަތުގެވެރިކަމާއި، ކުއްޔަށްލިބިފައި އޮތުމާއި، ލިޔެދީފައި އޮތުމާއި، ހަވާލުކޮށްފައި އޮތުމާއި، ބޭނުންކުރުމުގެ ހައްގު އޮތުމާއި، ބޭނުންކޮށް މަންފާ ހޯދުމުގެ ހުއްދައޮތުން ހިމެނެއެވެ. ނަމަވެސް މިއިން އެއްވެސް ބާވަތެއްގެ މިލްކުވެރިކަމަކީ ނުވަތަ ހައްގަކީ ގައިދެއް ނެތި އަދި ވާޖިބުތަކަކާ ނުލައި ލިބިގެންވާ ހައްގުތަކެއް ނޫނެވެ. އެއީ ފުރިހަމަ މިލްކުވެރިކަމުގެ ނަމުގައި ލިބިގެންވާ މިލްކުވެރިކަމުގެ ހައްގުތައް ކަމުގައިވީ ނަމަވެހެވެ.

މުދަލެއް މީހަކަށް ލިބޭނީ އަންނަނިވި ގޮތްތަކުން ކުރެ ގޮތަކަށެވެ.

(ހ) އަމިއްލަ މަސައްކަތަކުން މުދަލެއް ހޯދައި ލިބިގަތުން.

(ށ) އަމިއްލަ މަސައްކަތުން ނުވަތަ ހުނަރުން ނުވަތަ އިލްމުން އެއެއްޗެއް އުފެއްދުން.

(ނ) ސައްހަ މުއާމަލާތަކުން މުދަލެއް ގަތުން ނުވަތަ ލިބުން.

(ރ) ތަރިކައިން ލިބުން.

މީހަކަށް މިލްކުވެފައިވާ މުދަލެއް އެ މީހެއްގެ ކިބައިން ވަކިވާނީ އަންނަނިވި ގޮތްތަކުންކުރެ ގޮތަކަށެވެ.

(ހ) ވިއްކުމަކުން ހިބައަކުން ނުވަތަ ވަސިއްޔަތަކުން އެހެން މީހަކަށް ދިނުން.

(ށ) ތަރިކައިން ދޫކޮށްފައިދާ މުދަލެއް އޭގެ ހައްގުވެރިންނަށް ހަމަޖެހިފައިވާ ރަސްމީ ގަވާއިދުތަކުގެ ތެރެއިން ތަރިކައިގެ ނިސްބަތުން ނުވަތަ ވާރިސުން އެއްބަސްވާ ގޮތަކަށް ވާރިސުންނަށް ބަދަލުވެގެން ދިއުން.

(ނ) އެ މުދަލެއް ނެތި ފަނާވެގެން ދިއުން.

(ރ) ގާނޫނެއްގައިވާ އިޖުރާއަތެއް ހިނގުމުގެ ސަބަބުން.

(ބ) އެއްބަސްވުމެއްގެ ތެރެއިން.

މީހަކަށް ސައްހަމަގުން މުދަލެއް ލިބި މިލްކުވުމާއެކު އެ މުދަލުގެ މައްޗަށް އޭނާއަށް ހައްގުތަކެއް ލިބިގެންވެއެވެ. އަދި އެކަމާ ވިދިގެން، އެ މުދަލުގެ މައްޗަށް ހުރަހޮޅިނުގަތުމުގެ ވާޖިބު ދުނިޔޭގެ އެންމެންގެ މައްޗަށް އުފެދިގެންދެއެވެ. އަދި އެ މުދާ ހިމާޔަތްކޮށްދިނުމަކީ ވެސް ދައުލަތުގެ މައްޗަށް އުފެދިގެންދާ ވާޖިބެކެވެ. މިކަންކަން މިގޮތަށް ގަބޫލުކުރުމަކީ މީސްތަކުން އިންފިރާދީ ގޮތުން އުޅުނު އުޅުން ދޫކޮށް ޖަމާއަތެއްގެ ގޮތުގައި އެކުލަވައި މިލިގެން އުޅުމަށް ޝައުގުވެރިކުރުވި އަސާސީ ސަބަބެވެ. ނަފްސާއި މުދަލުގެ މިލްކުވެރިކަމުގެ ހައްގުތަކުގެ ހިމާޔަތް ހޯދުމަށް އެންމެން ބޭނުންވުމުން އެ ހައްގުތަކަށް ލިބޭ ހިމާޔަތުގެ މުގާބިލުގައި ދެންތިބި އެންމެންގެ މުދަލާ ނަފްސުގެ ހިމާޔަތުގެ ޔަގީންކަން އެކަކު އަނެކަކަށް ދީ އަނެކުންގެ މުދަލަށް ނުވަތަ ނަފްސަށް ހުރަހޮޅިނުގަތުމަކީ ކޮންމެ މީހެއްގެ ވާޖިބެއް ކަމުގައި މުޅި މުޖުތަމައު ބަލައިގަތެވެ.

އުފުލޭ މުދަލާއި ނުއުފުލޭ މުދަލާ ދެމެދުގައި ހުންނަ އެންމެ ބޮޑު ފަރަގަކީ އުފުލޭ މުދަލާ ގުޅޭ ހައްގުތައް ހުންނާނީ އެ މުދަލުގެ ވެރިފަރާތުގެ ޝަޚުސީ ޒިއްމާއާ ގުޅިފައެވެ. އެއާ ޚިލާފަށް ނުއުފުލޭ މުދަލުގެ ހައްގުތައް ހުންނާނީ ސީދާ އެމުދަލާ ގުޅިފައެވެ. ސަބަބަކީ ނުއުފުލޭ މުދަލާ ގުޅިގެން އެކިއެކި ފަރާތްތަކަށް ލިބޭ ޚާއްސަ ބާވަތްތަކުގެ ހައްގުތައް އުފެދިފައި ހުންނަނީ މުދަލުގެ މައްޗަށް ކަމަށްވާތީއެވެ. އެ ސަބަބަށްޓަކައި، ނުއުފުލޭ މުދަލެއްގެ މިލްކުވެރިކަން އެހެން ފަރާތަކަށް ނަގުލުކުރިނަމަވެސް ނުވަތަ އެ މުދަލުގެ ރަޖިސްޓަރީ އެހެން ފަރާތަކަށް ބަދަލުކުރި ނަމަވެސް، އެ މުދަލުގެ މައްޗަށް ތަންފީޒުކުރެވޭނެ ބާވަތުގެ ހައްގުތަކާއި ވާޖިބުތައް އެ މުދަލާ އެކު ވުޖޫދުވެ ދެމިގެން ދާނެއެވެ. ނުއުފުލޭ މުދަލެއްގެ މިލްކުވެރިކަން ބަދަލުވިޔަސް ނުވަތަ މުދަލުގެ ރަޖިސްޓަރީ އެހެން ފަރާތަކަށް ބަދަލުވި ކަމުގައި ވިޔަސް އެ މުދަލުގެ މައްޗަށް ތަންފީޒުކުރެވޭނެ ބާވަތުގެ އެއްވެސް ހައްގެއް އުފެދިފައިވާނަމަ، އެ ހައްގެއް ނިމުމަކަށް އަންނާނީ މުދަލެއްގެ މައްޗަށް އުފެދިފައިވާ ހައްގުތައް ނިމޭނެ ގޮތްތައް ކަމަށް އިސްވެ ބަޔާންކުރެވުނު ގޮތްތަކުގެ ތެރެއިން ގޮތަކަށެވެ. އެ ނޫންގޮތަކަށް މުދަލުގެ ހައްގެއް، ދުވަސްވެ ބައުވެ ނެތި ފަނާވެގެން ނުދާނެއެވެ. މުދަލެއްގެ މައްޗަށް މީހެއްގެ އަތުގެވެރިކަން ކިތަންމެ ގިނަދުވަހަކަށް އޮތް ނަމަވެސް، އެ މުދަލުގެ ފުރިހަމަ މިލްކުވެރިކަން އެ މީހަކަށް ނުލިބޭނެއެވެ. ސައްހަ މުއާމަލާތެއްގެ ތެރެއިން މީހަކަށް ލިބިފައިވާ ހައްގެއް، އެ މީހަކަށް އެ މުއާމަލާތުގެ ތެރެއިން ލިބުނު ހައްގުގެ މިންވަރަށްވުރެ އިތުރުވެގެން ނުދާނެއެވެ. މުދަލެއްގެ މައްޗަށް ތިމާއަށް ނެތް ހައްގެއް ނުވަތަ ތިމާއަށް އޮތް ހައްގަށްވުރެ މަތީ ހައްގެއް އެހެން މީހެއްގެ މައްޗަށް ނަގުލުނުކުރެވޭނެ އެވެ.

ނުއުފުލޭ މުދަލާއި އުފުލޭ މުދަލުގައި، މުދަލުގެ މިލްކުވެރިކަން ބަދަލުކުރުމުގައި ތަފާތުތަކެއް ވެއެވެ. އެއީ އުފުލޭ މުދަލާއި ނުއުފުލޭ މުދައު ފަރަގުވާ އެއް ސަބަބެވެ. އުފުލޭ މުދަލުގެ މިލްކުވެރިކަން ކޮންޓްރެކްޓެއްގެ ޒަރީއާއިން ބަދަލުކުރުމުން ފުދިދެއެވެ. ނަމަވެސް ބިމާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ބިމެއްގެ މިލްކުވެރިކަން ބަދަލުކުރެވޭނީ ލިޔުމަކުން އަދި ކޯޓުގެ މަރުހަލާ މެދުވެރިކޮށްގެންނެވެ. އެކަން އެގޮތަށް ތަފާތުކުރުން ލާޒިމުވާ ސަބަބަކީ ނުއުފުލޭ މުދަލަކީ އިންސާނުންގެ މުޅި ދިރިއުޅުމާ ގުޅިފައިވާ ވަރަށް ޚާއްސަ އަދި ހައްސާސީ މުދަލެއް ކަމަށް ވާތީއެވެ. މިއީ ޒަމާނުއްސުރެ ދިވެހިރާއްޖޭގައި އަމަލުކުރަމުން އައިގޮތެވެ. ކޯޓު މެދުވެރިވެގެން ނޫން ގޮތަކަށް، ވިއްކުމަކުން، ހިބައަކުން، ވަސިއްޔަތަކުން ނުވަތަ ތަރިކައުން ބިމުގެ މިލްކުވެރިކަން އެހެން މީހެއްގެ މައްޗަށް ނަގުލުނުކުރެވޭނެއެވެ. އެނޫން ގޮތަކަށް މިލްކުވެރިކަން ބަދަލުކުރުމަށް ކުރާ މަސައްކަތަކީ ނުވަތަ ކަމަކީ ބާތިލު ކަމެކެވެ. ރަސްކަލަކު މީހަކަށް ބިމެއް ދިނަސް އަދި ވަކި ބޭނުމަކަށް ޚާއްސަކުރިއަސް ރާއްޖޭގެ އާދަކާދަ ނިޔާކުރާ ގޮތުން އެކަން ކުރަނީ ފަނޑިޔާރެއް ހެކިކޮށް ވަކިގޮތަކަށް ލިޔާ ފަތަކުންނެވެ.

ދިވެހިރާއްޖޭގެ މުދަލާބެހޭ އާދަކާދަތަކަށް ބަލާއިރު، މުދަލެއްގެ މައްޗަށް މީހެއްގެ މިލްކުވެރިކަން އޮތުމަށްޓަކައި، އެ މުދާ މާއްދީ ގޮތުން ވަކިން ފާހަގަކޮށް ވަކިވެފައި އޮތުން އެއީ ޝަރުތެއް ނޫނެވެ. މީހެއްގެ މިލްކު މުދަލެއް އެހެން މީހެއްގެ މުދަލާ އެކުވެފައި ހުރެދާނެއެވެ. ނަމަވެސް އެގޮތަށް ހުންނަ އެއްމެދު މުދައު ހުންނަންވާނީ އެމީހެއްގެ ހިއްސާ ވަކިކުރަން ބޭނުންވެއްޖެ ހާލަތެއްގައި ވަކިކުރެވި އެމީހަކަށް ނިސްބަތްވާ ބައި ފާހަގަކުރެވި އައްޔަންކޮށް ނަގުލުކުރެވޭނެ ގޮތަކަށެވެ. އޭގެ މާނައަކީ ކޮންމެހެން މާއްދީ ގޮތުން އޭގެ ހިއްސާ ވަކިކުރެވޭ ގޮތަށް ހުރުން ލާޒިމުވުމެއް ނޫނެވެ. އޭގެ އަގު ނުވަތަ ހިއްސާގެ ނިސްބަތް އެނގި އެ ނިސްބަތުން ޚިޔާލީ ބައިތަކަކުން ނުވަތަ ލިޔުމަކުން ފެންނަން އޮންނަ ގޮތަށް ހިއްސާ ވަކިކުރެވުނަސް ފުދިދެއެވެ. އެ މުދަލަކީ މާއްދީ ނުވަތަ ޣައިރު މާއްދީ މުދަލަކަށް ވިޔަސް މިކަން އޮންނަނީ މި ގޮތަށެވެ. މި އުސޫލު ދިވެހިރާއްޖޭގެ ކޯޓުތަކުން ނިންމާފައިވާ ވަރަށް ގިނަ ގަޒިއްޔާތަކުގެ ހުކުމްތަކުން ނަގަހައްޓާފައި ވެއެވެ.

ދެފަރާތުން ކަނޑައެޅިގެން އެހެން ގޮތަކަށް އެއްބަސްވެފައިނުވާ ނަމަ، ކުއްޔަށް ހިފައިގެން ނުވަތަ އެނޫންވެސް ގާނޫނީ ޒަރީއާއެއް މެދުވެރިކޮށް މީހެއްގެ މިލްކު މުދަލެއް އެހެން މީހެއްގެ އަތުގެވެރިކަމުގެ ދަށުގައި އޮންނަ ހާލަތުގައި، އެ މުދަލެއްގެ މައްޗަށް އެ މުދަލުގެ އަތުގެވެރިޔާ އިތުރުކުރާ އިތުރުކުރުމާއި މުދާ ދިރުވާ ދިރުވުން ނިސްބަތްވާނީ އެ މުދަލުގެ މިލްކުވެރިފަރާތަށެވެ. މި އުސޫލު ދިވެހިރާއްޖޭގެ ކޯޓުތަކުން ނިންމާފައިވާ ވަރަށް ގިނަ ގަޒިއްޔާތަކުގެ ހުކުމުން ނަގަހައްޓާފައި ވެއެވެ.

މީހެއްގެ މިލްކު މުދަލެއް އެހެން މީހެއްގެ އަތުގެވެރިކަމުގެ ދަށުގައި ކިތަންމެ ޒަމާނެއް ވަންދެން އޮތަސް، އެ މުދާ އޭނާގެ އަތުގައި ދިގުމުއްދަތަކަށް އޮތުން އެއީ ސަބަބަކަށް ވެގެން، އެ މުދަލުގެ މިލްކުވެރިކަން އަތުގެވެރިޔާއަށް އޮޓަމެޓިކުން ނުލިބޭނެއެވެ. މުދަލެއްގެ މިލްކުވެރިކަން އެކެއްގެ ކިބައިން އަނެކަކުގެ މައްޗަށް ނަގުލުވާނީ ސައްހަ މުއާމަލާތެއްގެ ޒަރީއާއިންނެވެ. މީހެއްގެ މުދަލެއް އެހެންމީހެއްގެ އަތުގެވެރިކަމުގެ ދަށުގައި ބެހެއްޓޭނީ މުދަލުގެ މިލްކުވެރިޔާގެ ރުހުން ލިބިގެންނެވެ. މީހެއްގެ މިލްކު މުދަލެއް ރުހުންނެތި އެހެން މީހެއްގެ އަތުގެވެރިކަމުގެ ދަށުގައި ހުރިނަމަ އެ މުދާ ހޯދަން ދައުވާކުރުމުގެ ހައްގު އެ މުދަލުގެ މިލްކުވެރި ފަރާތަށް ލިބިގެންވެއެވެ. ހަމަ މިއުސޫލުން ސައްހަ މުއާމަލާތެއްގެ ތެރެއިން މީހަކަށް ލިބިފައިވާ އަތުގެވެރިކަމުގެ ހައްގުގެ މައްޗަށް، އޭނާގެ ރުހުންނެތި އެހެން މީހަކު ވެރިވެގެންފި ނަމަ، އޭނާގެ ހައްގު ހޯދުމަށް ދައުވާކުރުމުގެ ހައްގު އަތުގެވެރިކަމުގެ ހައްގު އޮތް ފަރާތަށް ލިބިގެންވެއެވެ.

މުދަލެއްގެ މައްޗަށް މީހަކަށް އޮތް މިލްކުވެރިކަމުގެ ހައްގެއް އޭނާގެ ރުހުން ނެތި އަތޮޅުވެރިޔާގެ އަމުރަށް އެހެން މީހަކަށް ބަދަލުކުރެވިދާނެ ހެއްޔެވެ. ނޫނެކެވެ. މީހެއްގެ އުފުލޭ މުދަލެއްގެ މިލްކުވެރިކަން ސައްހަމަގުން އެހެން މީހަކަށް ބަދަލުކުރެވޭނީ ގާނޫނު ހުއްދަދޭ ސައްހަ މުއާމަލާތެއްގެ ތެރެއިންނެވެ. ދިވެހިރާއްޖޭގައި ޒަމާނުއްސުރެ ނުއުފުލޭ މުދަލެއްގެ މިލްކުވެރިކަން އެކެއްގެ ފަރާތުން އަނެކަކަށް ބަދަލުކުރެވޭނީ އެ މުދަލުގެ މިލްކުވެރި ފަރާތުގެ ނުވަތަ ހައްގު އޮތް ފަރާތްތަކުގެ ރުހުން އޮވެގެން ޝަރިއަތް މެދުވެރިކޮށްގެންނެވެ. މުދަލެއްގެ މިލްކުވެރިކަން ލިބިގަތުމަށްޓަކައި ނުވަތަ އަތުގެ ވެރިކަން ލިބިގަތުމަށްޓަކައި އަދި ދޫކޮށްލުމަށްޓަކައި އެ މުދާ ލިބޭ ފަރާތުގެ ނުވަތަ އޭނާގެ ހައްގުތައް ތަމްސީލުކުރާ ފަރާތުގެ އަމަލެއް ނުވަތަ އެންމެ ކުޑަމިނުން އެނގުން ނުވަތަ ރުހުން އޮންނަންވާނެއެވެ.

އެއްޗެއް އެއީ އަހުރެންގެ އެއްޗެއް ކަމަށް ވާނީ ކިހިނެތް ވެގެން ހެއްޔެވެ. މުދަލެއް މީހެއްގެ އެއްޗަކަށް ވާނީ މައިގަނޑު ދެ ގޮތަކަށެވެ. އެއީ ގާނޫނު ހުއްދަކުރާ މަސައްކަތެއްކޮށްގެން އަމިއްލަ އަށް ލިބޭ އެއްޗެއް ހޯދުމާއި، ގާނޫނީ ގޮތުން ފުރިހަމަކުރާ ސައްހަ މުއާމަލާތެއްގެ ތެރެއިން އެއެއްޗެއް ލިބުމެވެ. މި ދެބައި އެހެން ގޮތަކަށް ވެސް ގިންތިކުރެވިދާނެއެވެ. އެއީ އަސްލުން ލިބޭ މުދަލާއި އެހެން ފަރާތެއްގެ ކިބައިން ލިބޭ މުދަލެވެ. އަސްލުން ލިބޭ މުދަލުގައި، އެ މުދާ އޭނާއަށް ލިބުމުގެ ކުރިން އެހެން މީހެއްގެ މިލްކުވެރިކަމެއް އެމުދަލަކު ނޯވެއެވެ. އެއާ ޚިލާފަށް އެހެން ފަރާތަކުން ލިބޭ މުދަލުގައި އޭނާއަށް އެ މުދާ ލިބުމުގެ ކުރިން އެ މުދަލުގެ މިލްކުވެރިކަން އޮންނާނީ އެހެން މީހެއްގެ މައްޗަށެވެ.

ބައެއް ގާނޫނުތަކުން ބައެއް ބާވަތުގެ ހައްގުތައް ތަންފީޒުކުރުމަށް ދައުވާ ނުކޮށް، ވަކި މުއްދަތެއް ވުމުން އެ މުއްދަތަށްފަހު ދައުވާކުރުން މަނާވެގެން ދެއެވެ. ނަމަވެސް، މި ފަދަ ތަގާދުމްގެ އުސޫލުތައް ގާއިމުކުރާ ގާނޫނުތަކުން ހައްގެއް ތަންފީޒުކުރަން ދައުވާނުކޮށް ވަކި މުއްދަތެއް ފާއިތުވުމުން ދައުވާކުރުން މަނާވި ނަމަވެސް، ނުއުފުލޭ މުދަލެއްގެ މައްޗަށް އެމީހަކަށް އޮންނަ ހައްގު ނެތި އުވިގެން ނުދާނެއެވެ. އެ ހައްގު އެ ނުއުފުލޭ މުދަލާއެކު ދެމި އޮންނާނެއެވެ. ހަމައެކަނި ނުވާނެ ކަމަކީ އެ މުއްދަތު ހަމަވުމުން އެ ހައްގު ތަންފީޒު ކުރުމަށް ވަކި މީހެއްގެ މައްޗަށް ދައުވާކުރުން މަނާވުމެވެ.

އޭރުވެސް އަދި މިހާރުވެސް ގާނޫނު އަސާސީ އޮތް ގޮތުން، މީހެއްގެ މިލްކު މުދަލެއް އެ މީހެއްގެ ރުހުމެއްނެތި ވަކިކުރެވޭނީ އާންމު ބޭނުމަކަށް ކޯޓު މެދުވެރިކޮށް ބަދަލު ދިނުމަށްފަހުގައެވެ.

މީހެއްގެ މުދަލެއް އެހެން މީހެއްގެ މުދަލާ އެކުވެފައި ހުރުމަކީ ގާނޫނީ ހައްލެއް ބޭނުންވެދާނެ ހާލަތެކެވެ. މީހެއްގެ މުދަލެއް އެހެން މީހެއްގެ މުދަލާ އެކުވެފައިވަނީ އެއްބަސްވުމަކުން ކަމަށްވާނަމަ، އެކަމުގެ ހައްލު އެއްބަސްވުމުގެ ތެރެއިން ލިބިދާނެއެވެ. މީހެއްގެ މުދަލެއް އެހެން މީހެއްގެ މުދަލާ އެއްކޮށްފައި ވަނީ އެއްބަސްވުމެއް ނެތި ކަމަށްވާނަމަ، މިލްކުވެރިކަމެއްގެ އެ ފަދަ މައްސަލަތައް ހައްލުކުރާނެ ގޮތް މުދަލާބެހޭ ގާނޫނުން އެނގެއެވެ. މީހެއްގެ މުދާ އެހެން މީހެއްގެ މުދަލާ އެއްކޮށްފައިވަނީ ނުވަތަ ގުޅުވާފައިވަނީ ވަކިކޮށް ބައި ކުރެވިދާނެ ތަބީއަތަކުން ކަމަށްވާނަމަ، އެ މުދާ ބައިކޮށް ވަކިކުރެވިދާނެއެވެ. މިލްކުވެރިކަން އެކުވެފައިވާ މުދަލުގެ ތަބީއަތުން އެ މުދާ ބައިކޮށް ވަކިކުރެވެން ނެތް ނަމަ އެއެއްޗެއްގެ އަގު އަނެއް ފަރާތަށް ދިނުމުން ފުދިދެއެވެ. އަދި ބައެއް ހާލަތުތަކުގައި މީހެއްގެ މުދަލެއް އެހެން މީހެއްގެ މުދަލާ އެއްކޮށްފައިވަނީ އަނެއް ފަރާތާއެކު ވަކި އެއްބަސްވުމެއް ނަހަދައި ކަމަށްވާނަމަ، ބައެއް ހާލަތުތަކުގައި އެއީ އަނެއްފަރާތަށް ކުރާ ތަބައްރުއުއެއް (ހަދިޔާއެއް) ކަމަށް އިފްތިރާޒު ކުރެވޭނެ ކަމަށް ބެލެވިދާނެއެވެ. މީހަކު އެހެން މީހެއްގެ މުދަލުގެ ތެރެއަށް ބައެއް އެއްކޮށް އިތުރުކޮށްފައިވާ ހާލަތުގައި އެގޮތުން އިތުރުކުރިބައި ވަކިން އެނގި ފާހަގަވާން ނެތް ނަމަ، އެ އިތުރުކުރި ބަޔަކީ މުދަލުގެ ވެރިފަރާތަށް ކުރެވިފައިވާ ތަބައްރުއުއެކެވެ. މީގެ އިތުރުން ބިމަށް ޚާއްސަކޮށް ބަލާނަމަ، އަހުރެންގެ ބިމުގައި ތިބާ ގަހެއް އިންދައިފިނަމަ އެ ގަހަކީ އަހުރެންގެ މިލްކެކެވެ. ހަމައެގޮތަށް ތިބާ އަހުރެންގެ ބިމުގައި، އެނޫންގޮތަކަށް ދޭހަވާ އެއްބަސްވުމެއް ނެތި، ކުރާ އިމާރާތުގެ މިލްކުވެރިކަން އޮންނާނީ އަހުރެންނަށެވެ. ސަބަބަކީ އިމާރާތަކީ ތަޅާލައި، ބިމާ ވަކިކޮށްގެން ގެންދެވޭނެ އެއްޗެއް ނޫނެވެ.

ބަންޑާރަ ގޯތީގެ ތަބީއަތުބަންޑާރަ ގޯއްޗަކީ ދައުލަތުގެ ބިމުގެ ތެރެއިން ދިރިއުޅުމުގެ ބޭނުމަށް ވަކިކޮށް ދައުލަތުން މީހަކާ ހަވާލުކުރާ ބިމެކެވެ. ގޯތި ދޫކުރެވިފައިވާ މީހަކީ ކާކުކަން އެނގޭނެ ގޮތް ކޮންމެ ރަށެއްގައިވެސް އިހުއްސުރެ ހަމަޖެހިފައި އޮވެއެވެ. ރަށުގެ ބިމުން އެކިއެކި ފަރާތްތަކަށް ދޫކޮށްފައިވާ ގޯތިތަކަށް ރަޖިސްޓަރީ ހަދައި ދޫކުރުމުގެ މަސައްކަތް މާލެ ފިޔަވައި އެހެން ރަށްރަށުގައި ފުޅާ ދާއިރާއެއްގައި ހިންގާފައިވަނީ 1960ގެ އަހަރުތަކާއި 1970ގެ އަހަރުތަކުގެ ތެރޭގައެވެ. އެފަދަ ރަޖިސްޓަރީތައް ހަދައި ދޫކުރުމުގެ ކުރިން އެކިއެކި ފަރާތްތަކަށް ދައުލަތުން ދޫކުރާ ގޯތިތައް ހަވާލުކުރެވިފައިވާ މީހުންގެ ދަފްތަރު ގިނަ ރަށްރަށުގައި ލިޔެ ބަލަހައްޓަމުން އައީ ނޯޓުފޮތެއްގައެވެ. އޭރަށް ބަލާއިރު ދޫކުރެވޭ ބަންޑާރަ ގޯތި އެރަށެއްގެ ރަށު އޮފީހުގައި ރަޖިސްޓަރީކުރެވޭ ގޮތަކީ އެއީއެވެ. ރަޖިސްޓަރީއަކަށް ނުވަތަ ދަފްތަރަކަށް ލިބިގެންވާ އެންމެހައި ގާނޫނީ ބާރެއް އެ ރަޖިސްޓަރީ އަށް ލިބިގެންވެއެވެ. ބަންޑާރަ ގޯތި ދޫކުރެވޭ ގޮތުން، އެ ގޯތިތަކުގެ ބިމުގެ މިލްކުވެރިކަން ބަންޑާރަ ގޯއްޗެއް ހަވާލުކުރެވިފައިވާ ފަރާތަކަށް ނުލިބެއެވެ. ބަންޑާރަ ގޯތީގެ ބިން މުޅިން މިލްކު ނުވިނަމަވެސް އެ ގޯތީގެ މައްޗަށް ގޯތި ހަވާލުކުރެވިފައިވާ މީހާއަށް އޭނާގެ ކިބައިން ނިގުޅައިނުގަނެވޭނެ މިލްކުވެރިކަމުގެ ހައްގުތަކެއް ލިބިގެން ވެއެވެ. އެގޮތުން ބަންޑާރަ ގޯތި ދާއިމަށް އޭނާގެ ނަމުގައި އޮތުމާއި، އޭނާ މަރުވުމުން ވާރިސުންނަށް އެ ގޯތި ލިބުމާއި، އެ ގޯތީގައި ހަދާ އިމާރާތްތަކުގެ ފުރިހަމަ މިލްކުވެރިކަން އޮތުމާއި އެގޯތީގައި އޭނާ ހައްދާ ރުކާއި ގަސްގަހުގެ މިލްކުވެރިކަން އޮތުމާއި، އެ ގޯތީގައި ހަދާ އިމާރާތްތައް ރަހުނުކުރުމާއި، އެ ގޯތި ކުއްޔަށް ދޫކުރުމާއި ބިން ބައިކޮށް ބިމުން ބައެއް އެހެން މީހަކަށް ހިބައިން ދިނުމާއި، ބަންޑާރަ ގޯތީގައި ހުންނަ އިމާރާތް ގާނޫނާ އެއްގޮތަށް އެހެން ފަރާތަކަށް ވިއްކާލުމުން އެ އިމާރާތް ގަންނަ ފަރާތަކަށް އެ ބިން ލިބުމާއި މިފަދަ މިލްކުވެރިކަމުގެ ހައްގުތަކެއް ބަންޑާރަ ގޯތި އޮންނަ ފަރާތަށް ލިބިގެންވެއެވެ. ޖުމްލަކޮށް ބަލާއިރު، ބަންޑާރަ ގޯތި ދޫކުރެވިފައިވާ މީހަކަށް އެ ގޯތީގެ ބިމުގެ މައްޗަށް ފުރިހަމަ މިލްކުވެރިކަމާ ވަރަށް ގާތްކުރާ ދަރަޖައެއްގެ މިލްކުވެރިކަމުގެ ހައްގުތަކެއް ލިބިފައި އޮވެއެވެ. ބަންޑާރަ ގޯތިތަކުގެ ބިމުގެ މިލްކުވެރިކަމުގެ ހައްގުގެ ދަރަޖަ ދަލާލަތުކޮށްދޭ ހެއްކަކީ، މީހަކަށް ދޫކުރެވިފައިވާ ބަންޑާރަ ގޯއްޗެއް އާންމު މަންފާއަކަށްޓަކައި އަދި ޝަރިއަތް މެދުވެރިކޮށް ބަދަލު ދިނުމަށްފަހުގައި މެނުވީ އެމީހެއްގެ ކިބައިން ވަކިކުރުމުގެ ބާރު ދައުލަތަށް ލިބިފައި ނެތްކަމަށް ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނާއި އާދަކާދައާއި ޝަރުއީ ނިންމުންތަކުން އެނގެން އޮންނަ އޮތުމެވެ.

ބަންޑާރަ ގޯތި ދޫކުރުން އަދި ތަރިކައިން ބަންޑާރަ ގޯތި ލިބުން1979 ގައި މިނިސްޓްރީ އޮފް ޕްރޮވިންޝަލް އެފެއާޒް އުފެއްދުމުގެ ކުރިން މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށްރަށުގައި ގޯތި ދޫކުރުމުގެ އިޚްތިޔާރު ދީފައި އޮންނަނީ އަތޮޅުވެރިޔާއަށެވެ. އަތޮޅުވެރިޔާއަށް ފެނުނު މީހަކަށް ފެނުނުތަނަކުން ގޯތި ދޫކުރަނީއެވެ. މިނިސްޓްރީ އޮފް ޕްރޮވިންޝަލް އެފެއާޒް (ފަހުން މިނިސްޓްރީ އޮފް އެޓޯލްސް އެޑްމިނިސްޓްރޭޝަން) އުފެދުނު ފަހުން ރަށްރަށުން ގޯތި ދޫކުރަނީ އެ މިނިސްޓްރީއިން ކަނޑައަޅާފައިވާ ސިޔާސަތު ތަކާއެއްގޮތަށް އަތޮޅުވެރިޔާއެވެ. މާލޭގައި ގޯތި ދޫކުރާނެ ތަންތަނާއި މީހުން ކަނޑައަޅަނީ ރައީސުލްޖުމްހޫރިއްޔާ އަންގާ ގޮތަކަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒްއިންނެވެ. ބަންޑާރަ ގޯތި ދޫކުރާ ގޮތަށް ބަދަލުއައީ ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނަށް 2002 ގައި އަމަލުކުރަން ފެށުމުންނެވެ. ބަންޑާރަ ގޯއްޗެއް ލިބިފައިވާ މީހަކު މަރުވެއްޖެ ނަމަ، އެ މީހާގެ ތަރިކައިގެ ތެރޭގައި ހިމެނޭ މުދަލުގެ ތެރެއިން އެ ގޯތީގައި ހުންނަ ނުއުފުލޭ މުދާ ޝަރިއަތުން ލިބޭ ފަރާތަކަށް ދައުލަތުން ބަންޑާރަ ގޯތި އަލުން ރަޖިސްޓަރީކޮށްދެނީއެވެ. ތަރިކަ މުދާ ޝަރިއަތުން ހަމަޖެއްސުމުގެ ކުރިން ވާރިސުންގެ ތެރެއިން ވަކި މީހަކަށް ގޯތި ދިނުމަށް އަތޮޅުވެރިޔާ އިޚްތިޔާރުކޮށް، އަތޮޅުވެރިޔާ އިޚްތިޔާރު ކުރާ މީހަކަށް ގޯތި ނުވަތަ އެގޯތިން ބައެއް ރަޖިސްޓަރީ ކޮށްދިނުމަކީ ނުވަތަ ވާރިސުންގެ ތެރެއިން ބަޔަކު މަހުރޫމު ކުރުމަކީ އެއްވެސް ޒަމާނެއްގައި އަތޮޅުވެރިޔާގެ ބާރުގެ ތެރޭގައި ހިމެނޭ ކަމެއް ނޫނެވެ. ގާނޫނުއަސާސީ އޮންނަ ގޮތުން އަދި އާދަކާދަ އޮތްގޮތުން އެއްވެސް މީހަކަށް ލިބިފައި އޮންނަ ގޯތީގައި ހުންނަ ތަރިކަ މުދާ ލިބޭ މީހާ ނުވަތަ މީހުން ޝަރިއަތުން ކަނޑައަޅައި ހަމަޖެހުމުން، އެ ތަރިކަ މުދާ ލިބޭ ވާރިސަކަށް ނުވަތަ އެ ތަރިކަ މުދާ ލިބޭ ވާރިސުންނަށް ބަނޑާރަ ގޯތި ރަޖިސްޓަރީކޮށްދިނުން ދިވެހިރާއްޖޭގެ ބިމާބެހޭ އާދަކާދަ ލާޒިމުކުރެއެވެ. ކިތަންމެ ޒަމާނެއް ވިޔަސް ބަންޑާރަ ގޯއްޗެއްގައިވާ މަރުހޫމުގެ ތަރިކަ ވާރިސުންގެ މެދުގައި ޝަރިއަތުން ބަހައި ނުނިންމާހާ ދުވަހަކު، އެ ތަރިކަ މުދާ ހުންނާނީ މަރުހޫމުގެ ނަމުގައެވެ. އަދި ބަންޑާރަ ގޯއްޗެއްގައިވާ މަރުހޫމުގެ ތަރިކަ ވާރިސުންގެ މެދުގައި ޝަރިއަތުން ބަހައި އެ ގޯއްޗާމެދު އަމަލުކުރަންވީ ގޮތް ޝަރިއަތުން ދައުލަތަށް އެންގުމުގެ ކުރިން އެ ގޯއްޗާމެދު އެއްވެސް ފިޔަވަޅެއް އެޅުމުގެ ބާރު އަތޮޅުވެރިޔާއަށް ނުވަތަ ދައުލަތުގެ އެއްވެސް އިދާރާއަކަށް ލިބިގެންނުވެއެވެ.

ގާނޫނުތައް މި މައްސަލައަށް ތަތުބީގުކުރުންއަތުގައި މި އޮތް މައްސަލައަށް އިސްވެދިޔަ އުސޫލުތައް ތަތުބީގުކުރާއިރު، އަލްމަރްހޫމު މުޙައްމަދު މޫސާގެ ނަން އެރަށުން ދޫކުރާ ގޯތި ހަވާލުކުރެވިފައިވާ ފޮތުގައި ލިޔެފައިވާކަން ސާބިތުވެއެވެ. އަދި އެގޯތީގައި އަލްމަރްހޫމް މުޙައްމަދު މޫސާ އުވައިން ކުޑަކުޑަތަންކޮޅެއް ހަދައި ފަނުން ހިޔާކޮށްގެން އެތަނުގައި ދިރިއުޅުނުކަން ޙުސައިން މުޙައްމަދުގެ ބަހުންނާއި ފޮނަދޫ ކައުންސިލުގެ ބަހުން ސާބިތުވެއެވެ. ބަންޑާރަ ގޯއްޗެއް މީހަކަށް ދޫކުރުމާއެކު އެ ގޯތީގެ މައްޗަށް މިލްކުވެރިކަމުގެ ހައްގުތަކެއް އުފެދިގެންދާކަން މަތީގައި ބަޔާންކުރެވުނު ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނުގެ އުސޫލުތަކުން އެނގެއެވެ. އަދި ޒަމާނުއްސުރެ، ބަންޑާރަ ގޯތީގައި މީހަކު ހަދާ އިމާރާތުގެ މިލްކުވެރިކަން އޮންނާނީ ގޯތި އެމީހެއްގެ ނަމުގައި އޮތް ފަރާތަކަށްކަން ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނުން އެނގެއެވެ. އެހެންކަމުން އަލަމާގެ އެވެ ކިޔުނު ގޯތީގެ މައްޗަށާއި، އެ ގޯތީގައި ހުރި އިމާރާތްތަކުގެ މައްޗަށް އަލްމަރްހޫމް މުޙައްމަދު މޫސާގެ ކިބައިން ވަކި ނުކުރެވޭނެ މިލްކުވެރިކަމެއް އުފެދިފައި ވެއެވެ.

މުދަލެއްގެ މައްޗަށް މީހަކަށް ލިބިފައިވާ މިލްކުވެރިކަން ނެތިގެން ދާނެ ގޮތްތައް މަތީގައި ބަޔާންކުރެވިއްޖެއެވެ. އެއިން ގޮތަކަށް، އަލަމާގޭ ގޯތީގައި ހުރި އިމާރާތްތަކުގެ މައްޗަށް އަލްމަރްހޫމު މުޙައްމަދު މޫސާއަށް ލިބިފައިވާ މިލްކުވެރިކަން ނެތިގެންދާނޭ ހާލަތެއް މެދުވެރިވެފައިވާކަން އެނގެން ނެތެވެ. އެ ގޯތީގައި އޭނާ ހަދާފައިވާ އިމާރާތްތަކާއި ހައްދާފައިވާ ރުއްގަސްފަދަ ތަކެތި އޭނާ ނިޔާވެ އޭނާގެ ދަރި ޙުސައިން މުޙައްމަދުގެ ނަމުގައި އެ ގޯތި ރަޖިސްޓަރީ ކޮށްދިން އިރު، ދުވަސްވުމުގެ ސަބަބުން ނުވަތަ އެ ނޫންވެސް ގޮތަކަށް ހަލާކުވެ ނެތިގެން ދިޔަ ކަން ސާބިތުނުވާހާ ހިނދަކު އެތަކެތި ހުރި ކަމަށް ޝަރިއަތުން ގަބޫލުކުރަންޖެހެއެވެ.

މީހަކު މަރުވާއިރު، އޭނާގެ ނަމުގައި ދައުލަތުން ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއްގައި ހުންނަ ނުއުފުލޭ މުދާ ޝަރިއަތް މެދުވެރިކޮށް ބަހައި ނިންމައި، އެ ގޯތީގައި ހުރި ނުއުފުލޭ މުދާ ލިބޭ ވާރިސެއް ނުވަތަ ވާރިސުންގެ ނަމުގައި އަލުން އެ ގޯތީގެ ރަޖިސްޓަރީ ހަދައި ދިނުމުގެ އުސޫލަކީ މި މައްސަލަ ހިނގުމުގެ ކުރިންވެސް ދިވެހިރާއްޖޭގެ ބިމާބެހޭ އާދަކާދަތަކުގެ ދަށުން އަމަލުކުރަމުން އަންނަ އުސޫލުކަމަށް މަތީގައި ބަޔާންކުރެވިއްޖެއެވެ. އެ އުސޫލުން، ޝަރިއަތް މެދުވެރިނުކޮށް ގޯއްޗެއްގައި ހުންނަ ނުއުފުލޭ މުދަލުގެ މިލްކުވެރިކަން ވާރިސެއްގެ މައްޗަށް ބަދަލުކުރުމުގެ އިޚްތިޔާރު ދައުލަތަށް ނުވަތަ އަތޮޅުވެރިޔާއަށް ލިބިގެން ނުވާކަމަށް މަތީގައި ބަޔާންކުރެވިއްޖެއެވެ. މި މައްސަލައަށް ބަލާއިރު، އަލަމާގޭ ގޯތީގައި ހުރި ނުއުފުލޭ މުދަލުގެ ތަރިކައިގެ މައްސަލަ އެއްވެސް ނައިބުގެއަކުން ނުވަތަ ފަނޑިޔާރުގެއަކުން ބަލާފައި ނެތެވެ. އެ މުދާ ބައިކޮށް ވާރިސުންގެ މެދުގައި ޝަރިއަތުން ހަމަޖައްސާފައެއް ނުވެއެވެ. އެހެންކަމުން އަލަމާގޭ ގޯތީގައި ހުރި އަލްމަރްހޫމް މުޙައްމަދު މޫސާގެ ނުއުފުލޭ މުދާ ވާރިސުންގެ ތެރެއިން ވަކި މީހަކަށް ބަދަލުކޮށް ރަޖިސްޓަރީކޮށް ދިނުމުގެ ބާރު ދައުލަތަށް ނުވަތަ އަތޮޅުވެރިޔާއަށް ނެތެވެ.

މީހެއްގެ މުދަލެއް އެހެން މީހަކަށް ނަގުލުވާނޭ އުސޫލުތައް މަތީގައި ބަޔާންކުރެވިއްޖެއެވެ. އެއިން އެއްވެސް ގޮތަކަށް އަލަމާގޭ ގޯތީގައި ހުރި އަލްމަރްހޫމް މުޙައްމަދު މޫސާގެ ނުއުފުލޭ މުދާ ޙުސައިން މުޙައްމަދު އަށް ބަދަލުވެގެންދާނޭ މުޢާމަލާތެއް ކުރެވިފައެއް ނެތެވެ. އަލަމާގޭ ގޯއްޗަކީ ރަށުގެ ބިމުން އަލަށް ދޫކުރެވުނު ގޯއްޗެއް ނޫނެވެ. އެހެންކަމުން އަލަމާގޭ ގޯއްޗާއި އެ ގޯތީގައި ހުރި އިމާރާތްތަކުގެ މިލްކުވެރިން ތިބި ހާލަތުގައި، އެ މިލްކުވެރިކަން ސައްހަ މުއާމަލާތަކުން ބަދަލުނުކުރާހާ ހިނދަކު، ކިތަންމެ ދުވަހެއް ވީނަމަވެސް، އަދި ކިއެއްތަ، އެ މުދާ ހުރީ އެހެން މީހެއްގެ އަތުގެ ވެރިކަމުގެ ދަށުގައި ކަމަށްވީ ނަމަވެސް، ގާނޫނުގެ ކުރިމަތީގައި އަދިވެސް އެ މުދަލުގެ މިލްކުވެރިޔާ ކަމަށް ބެލެވޭނީ އަލްމަރްހޫމް މުޙައްމަދު މޫސާއެވެ. މުޙައްމަދު މޫސާގެ މިލްކުވެރިކަމުގެ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތުމަކީ ދައުލަތުގެ ވާޖިބެކެވެ. 1932 އިން ފެށިގެން ދިވެހިރާއްޖޭގެ ގާނޫނުއަސާސީތަކުގައި ލިޔެވިފައިވާ ދައުލަތުގެ ވާޖިބުތަކުގެ ތެރޭގައި އެ ވާޖިބު ހިމެނޭތީވެއެވެ.

އަލަމާގޭ ގޯތި ޙުސައިން މުޙައްމަދުގެ ނަމުގައި ރަޖިސްޓަރީ ވީފަހުން އެ ތަނުގައި އިމާރާތްކޮށް ގެ ހަދައި ތަރައްގީކޮށްފައިވާ ކަމަށް ޙުސައިން މުޙައްމަދު ބުނެފައި ވެއެވެ. މީހެއްގެ މިލްކު މުދަލެއް އެހެން މީހަކު ތަރައްގީކުރި ނަމަވެސް އެ ތަރައްގީ ނިސްބަތްވާނީ ދިވެހިރާއްޖޭގެ މުދަލާބެހޭ ގާނޫނު ނިޔާކުރާ ގޮތުން އެ މުދަލުގެ މިލްކުވެރިޔާއަށް ކަމަށް ބަޔާންކުރެވިއްޖެއެވެ. އަލަމާގޭ ގޯތީގައިވާ އަލްމަރުހޫމް މުޙައްމަދު މޫސާގެ ތަރިކަ ޝަރިއަތުން ބަހައި ހަމަ ޖައްސާފައިނުވާތީވެ، އެ ގޯތީގެ ރަޖިސްޓަރީ އެހެން މީހަކަށް ބަދަލުކުރެވުނު ނަމަވެސް އެ ގޯތީގައި ހުރި ނުއުފުލޭ މުދަލުގެ މައްޗަށް އަލްމަރްހޫމް މޫސާގެ މައްޗަށް ލިބިގެންވާ މިލްކުވެރިކަމުގެ ހައްގުތައް ނިމުމަކަށް އައިސްފައިނުވާތީވެ، އެ މުދަލުގެ މައްޗަށް ޙުސައިން މުޙައްމަދުކޮށްފައިވާ ކަމަށް ބުނާ ހޭދައާއި ޚަރަދެއް ހުރި ނަމަ އެ ޚަރަދަކީ އަލްމަރްޙޫމް މުޙައްމަދު މޫސާގެ ތަރިކައަށް އިތުރުވެގެންދާ ތަބައްރުއު އެކެވެ.

އަލްމަރްހޫމް މުޙައްމަދު މޫސާ ނިޔައުވި އިރު، އެ ގޯއްޗަކީ މުޙައްމަދު މޫސާ އާ ހަވާލުކުރެވިފައިވާ ގޯއްޗެއްކަން އެނގޭ ސަބަބަކީ އަލްމަރްހޫމް މުޙައްމަދު މޫސާ ނިޔާވުމުން، އެ ގޯތި އޭނާގެ ވާރިސަކަށް ދިނުމަށް އަތޮޅުވެރިޔާ ނިންމުމެވެ. އަދި އޭރު ޙުސައިން މުޙައްމަދު އަކީ އުމުރުން 8 އަހަރުގެ ކުއްޖަކަށްވާއިރު، އަދި އޭރު އޭނާ ގޯއްޗަކަށް އެދުމަށް ނުވަތަ ބިމާބެހޭ މުއާމަލާތެއް ކުރުމަށް އުމުރު ހަމަނުވާއިރު، އޭނާގެ ނަމުގައި ގޯތި ރަޖިސްޓަރީ ކޮށްދިން ހަމަ އެކަނި ސަބަބަކީ އެއީކަން އެނގެއެވެ. ވީމާ ފުރަތަމައަށް އަލަމާގޭ ގޯއްޗަށް ރަޖިސްޓަރީއެއް ހަދާދީފައިވަނީ ޙުސައިން މުޙައްމަދުއަށް ކަމަށް އެބުނާ ބުނުން ގަބޫލެއް ނުކުރެވެއެވެ. ގޯއްޗެއް ސަރުކާރު ތަންތަނުގައި އެކި ދުވަސްވަރު އެކި ގޮތަށް ރަޖިސްޓަރީ ކުރުމަކީ އަލްމަރްހޫމް މުޙައްމަދު މޫސާގެ ނަމުގައި އެ ގޯތީގެ ރަޖިސްޓަރީ ހެދިފައި ނުވާކަމަށް ބަލަންޖެހޭ ސަބަބެއް ނޫނެވެ. ލ. ފޮނަދޫ ގޯތި ދޫކުރާ ފޮތުގައި ލ. ފޮނަދޫ އަލަމާގޭ ގޯތި ދޫކުރެވިފައިވާ ފަރާތަކީ އަލްމަރްޙޫމް މުޙައްމަދު މޫސާކަމަށް ލިޔެފައި އޮތް އޮތުމަކީ އެ ރަށުގެ ރަށުއޮފީހުގައި އެ ގޯތި އެމަރުހޫމުގެ ނަމުގައި ރަޖިސްޓަރީކުރެވިފައިވާ ކަމުގެ އެންމެ ވަރުގަދަ ދަލީލެވެ. އަދި ބިމުގެ ރަޖިސްޓަރީތަކަށް ގާނޫނުން ލިބިދޭ އެންމެހާ ބާރުތައް އެޒަމާނުގައި ރަށްރަށުގައި އޮންނަ ގޯތި ދޫކޮށްފައި ނޯޓުކުރާ ފޮތަށް ލިބިގެންވެއެވެ.

މިހާ ގިނަ ދުވަހު އެނގި ތިބެ މި މައްސަލަ ފެންމަތި ނުކޮށް ތިބިތިބުމުން ގޯތި ޙުސައިން މުޙައްމަދުއަށް ދިނުމަށް އެހެން ވާރިސުން އެއްބަސްވި ކަމަށް ނުބެލެވޭނެތޯ އާއި ތަރިކަ މައްސަލަތަކުގައި ގިނަ ދުވަސްވުމުން އެހެން ވާރިސުން ރުހުން ދިންކަމަށް ބެލެވޭނެ ހާލަތެއް ނެތްތޯ ޙުސައިން މުޙައްމަދު ސުވާލު އުފައްދާފައި ވެއެވެ. މަތީގައި ބަޔާންކުރެވުނު ފަދައިން، މީހަކު މަރުވުމަށްފަހު އެ މީހާގެ ތަރިކަ ވާރިސުންގެ މެދުގައި ޝަރުއީ އުސޫލުން ހަމަނުޖައްސާހާ ހިނދަކު އެ ތަރިކަ މުދާ ހުންނާނީ މަރުހޫމުގެ ނަމުގައެވެ. އަދި އެ މުދާ ކިތަންމެ ގިނަ ދުވަހަކު، މަރުހޫމުގެ ވާރިސުންގެ ތެރެއިން މީހެއްގެ އަތުގެވެރިކަމުގެ ދަށުގައި ހުއްޓަސް އަދި އެ މުދަލާމެދު ދެންތިބި ވާރިސުން ކިތަންމެ ގިނަ ދުވަހަކު ހަނުތިބި ކަމަކު އެ މުދަލުގެ މިލްކުވެރިކަން އެ މުދަލުގެ އަތުގެ ވެރިފަރާތަށް ނަގުލުވާނޭ ހަމައެއް ދިވެހިރާއްޖޭގެ މުދަލާބެހޭ ގާނޫނަކު ނެތެވެ. އަދި ކުރިން ބުނިހެން މުދަލުގެ މިލްކުވެރިކަން ބަދަލުވާނޭ ގޮތްތައް ކަނޑައެޅި ބަޔާންވެގެންވާއިރު، މީހެއްގެ މުދަލެއްގެ މިލްކުވެރިކަން އެ ގޮތްތަކުންކުރެ ގޮތަކަށް މެނުވީ އެހެން މީހަކަށް ނަގުލުވެގެން ނުދާނެއެވެ. ޚާއްސަކޮށް އެހެން ބާވަތްތަކުގެ މުދަލާ ޚިލާފަށް ނުއުފުލޭ މުދަލުގެ މިލްކުވެރިކަން ބަދަލުވާނީ ގާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާއި ޝަކުލިއްޔާތުތައް ފުރިހަމަވެގެންނެވެ.

އަލަމާގޭ ގޯތި އަތޮޅުވެރިޔާ ކަނޑައަޅާ ފަރާތަކަށް ދެވިދާނެ ހެއްޔެވެ. މިކަމަށް ވިސްނާއިރު އަލަމާގެ އެވެ ކިޔާ ގޯއްޗަކީ ބަންޑާރަ ގޯއްޗެއް ނަމަވެސް، އެ ގޯތި ރަޖިސްޓަރީ ކޮށްފައިވާ ފަރާތުގެ ކިބައިން ވަކިކޮށް އަތޮޅުވެރިޔާ ކަނޑައަޅާފަރާތަކާ އެ ބަންޑާރަ ގޯތި ހަވާލުކުރެވޭނެ އުސޫލެއް އެއްވެސް ޒަމާނަކު ނެތެވެ. އިސްވެ 53 ވަނަ ޕެރެގްރާފުގައި ބުނިފަދައިން ގޯތި ދޫކުރިކަން ނޯޓުކުރާ ފޮތުގައި ނޯޓުކުރުމަކީ އެ ޒަމާނުގައި ބިން ރަޖިސްޓަރީ ކުރާ ގޮތެވެ. ކުރިންވެސް ބަޔާންކުރި ފަދައިން މީހެއްގެ ނަމުގައި ބަނޑާރަ ގޯއްޗެއް ކަނޑައި އެ ގޯތި ހަވާލުކޮށް އެ މީހާގެ ނަމުގައި ރަޖިސްޓަރީ ކުރުމުން، ގޯތި ހަވާލުވާ މީހަކަށް އެ ބިމުގެ މައްޗަށް މިލްކުވެރިކަމުގެ ހައްގުތަކެއް ލިބިގެންދާތީވެ، އެ ގޯތި އެމީހެއްގެ ކިބައިން ވަކިކުރެވޭނީ ދެ ގޮތަކަށެވެ. އެއީ ގާނޫނުއަސާސީ ގައިވާ ގޮތަށް އާންމު މަންފާއަކަށް ޝަރިއަތް މެދުވެރިކޮށް އަދުލުވެރި ބަދަލެއް ދިނުމަށްފަހު ނުވަތަ ބަންޑާރަ ގޯތީގައިވާ މުދާ ޝަރިއަތުން ލިބޭ ފަރާތެއްގެ ނަމަށް ބަދަލުކުރުމަށެވެ. މިފަދަ ހާލަތެއް ނެތި ނުވަތަ ބިން ދޫކުރިއިރުކޮށްފައިވާ ޝަރުތަކާ ޚިލާފުވެފައިވާ ހާލަތެއް މެދުވެރިވެފައިނުވާނަމަ، ދައުލަތުން މީހަކަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއް އެ މީހަކު އަތުން ވަކިކޮށް އެހެން މީހަކަށް ދެވޭނެ ހަމައެއް ޒަމާނުއްސުރެ ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނަކު ނެތެވެ. އެހެންކަމުން އަލަމާގޭ ގޯއްޗަކީ ކުރިން މުޙައްމަދު މޫސާގެ ނަމުގައި އޮފީހުގެ ފޮތުގައި ރަޖިސްޓަރީ ކޮށްފައި އޮތް ގޯއްޗެއް ކަމަށްވާއިރު، އަލަމާގޭ ގޯއްޗަކީ ޙުސައިން މުޙައްމަދުއަށް އަތޮޅުވެރިޔާ ދިން ގޯއްޗެއް ކަމަށާއި، އެއީ އޭރު އަމަލުކުރަމުން ގެންދިޔަ އުސޫލުކަމަށް ބުނާ ބުނުމަކީ ގާނޫނީ ގޮތުން އެއްވެސްތާކުންތާކު ޖެހޭ ވާހަކައެއް ނޫނެވެ. އޮތޮޅުވެރިޔާ އަކީވެސް ގާނޫނުއަސާސީއާއި ގާނޫނާ އެއްގޮތަށް އަމަލުކުރަންޖެހޭ މީހަކަށްވެފައި، އަދި އަތޮޅުވެރިޔާއަކީ ގާނޫނުއަސާސީގެ ދަށުން އަމިއްލަ ފަރުދުންގެ މުދަލަށް ހުރުމަތްތެރިކޮށް ހިތަންޖެހޭ ދައުލަތުގެ މުވައްޒަފަކަށް ވާއިރު، ގާނޫނުތަކުގައި ނެތް ގޮތަކަށް މީހެއްގެ ނަމުގައި ދޫކޮށްފައިވާ ގޯއްޗެއް ހަމަޖެހިފައިވާ އިޖުރާއަތުގެ ބޭރުން ވަކިކޮށް އެހެން މީހަކަށް ނުދެވޭނެއެވެ.

އާއްމު އުސޫލަކީ ގޯއްޗަށް ހަދައިދެވޭ ރަޖިސްޓަރީއަކީ އެ ގޯއްޗާއި އެގޯތީގައިވާ އިމާރާތްތަކުގެ މިލްކުވެރިކަން ބަޔާންކޮށްދޭ އެންމެ ފަހު ބަސް ކަމުގައި ބެލުން ކަމުގައިވީ ނަމަވެސް، ގޯއްޗަކަށް ރަޖިސްޓަރީ ހަދައިދީފައިވަނީ (1) ގާނޫނާ ޚިލާފުގޮތަކަށް ނުވަތަ (2) މަކަރާ ހީލަތުން ނުވަތަ (3) އޮޅުމަކުން ކަމުގައި ކޯޓަށް ސާބިތުވާނަމަ، އެ ރަޖިސްޓަރީ ބާތިލުކުރުމުގެ ބާރު ކޯޓަށް ލިބިގެންވާކަން މި ކޯޓުގެ ޒީނަތު ޙަސަން ވ. އައްޑޫސިޓީ ކައުންސިލް ގަޒިއްޔާ އިން އެނގެއެވެ.

ނިންމަން ފެންނަ ގޮތްމަތީގައި ބަޔާންކުރި ސަބަބުތައް އެގޮތަށް ހުރުމުން، ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 127/O8C/2018 ގަޒިއްޔާގެހުކުމާއި، އެ ގަޒިއްޔާއަށް ތާއީދުކޮށްފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/79 ގަޒިއްޔާގައި ހުކުމްކޮށްފައިވަނީ ގާނޫނާ އެއްގޮތަށް ކަމަށް ނުވާތީވެ، އެ ދެ ހުކުމް ބާތިލުކޮށް، ލ. ފޮނަދޫ ދަނބުގެ އަލްމަރްޙޫމް މުޙައްމަދު މޫސާގެ ގޯތި (ހައްދުންމަތީ ފޮނަދޫ އަލަމާގެއެވެ ކިޔާ ބަންޑާރަ ގޯތި)، ޝަރުއީ އެއްވެސް ލިޔުމެއްނެތި، އެ މަރްހޫމްގެ ހަތަރު ދަރިން ( 3 އަންހެން ދަރިންނާއި، 1 ފިރިހެން ދަރި) ތިއްބާ އެ ހަތަރު ދަރިންގެ ތެރެއިން އެއް ދަރި ކަމުގައިވާ ޙުސައިން މުޙައްމަދުއަށް ރަޖިސްޓަރީކޮށްދީފައި ވަނީ ގާނޫނާ އެއްގޮތަށް ކަމަށް ނުވާތީވެ، ޙުސައިން މުޙައްމަދުގެ ނަމުގައި މިހާރު އެގޯއްޗަށް ހަދައިދީފައިވާ އިމާރާތާއި ގޯތީގެ ރަޖިސްޓަރީ ބާތިލުކުރުމަށާއި، އަލަމާގޭގެ ގޯތީގައިވާ އެންމެހައި ނުއުފުލޭ މުދަލުގެ މިލްކުވެރިފަރާތަކީ އަލްމަރްހޫމް މުޙައްމަދު މޫސާ ކަމުގައި ކަނޑައެޅުމަށާ، އަލުން އެގޯތީގެ ރަޖިސްޓަރީ ލ. ފޮނަދޫ ކައުންސިލުން ހަދައިދޭންވާނީ އެގޯތީގައި ހުރި އަލްމަރްހޫމް މުޙައްމަދު މޫސާގެ ނުއުފުލޭމުދަލުގެ ތަރިކައިގެ މައްސަލަ ހަމަޖައްސައި ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 2002/1) ގައިވާ އުސޫލުން ލ. ފޮނަދޫ އަލަމާގޭ ގޯތީގައިވާ އަލްމަރްހޫމް މުޙައްމަދު މޫސާގެ ނުއުފުލޭ މުދާ ޝަރިއަތުން ލިބިދޭ ފަރާތަކަށް ނުވަތަ ފަރާތްތަކުގެ ނަމުގައި ކަމަށް ކަނޑައަޅަން ފެނެއެވެ.

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންވެދިޔަ ނުކުތާތަކުގައި ބަޔާން ކުރެވުނު ސަބަބުތައް އެފަދައިން ހުރުމުން:

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/79 ގަޒިއްޔާގައި ހުކުމްކޮށްފައިވަނީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ އެއްގޮތަށް ކަމަށް ނުވާތީ، މި މައްސަލަ ބެލި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/79 ގަޒިއްޔާއާއި އެ ގަޒިއްޔާގެ ހުކުމް ތާއީދުކޮށްފައިވާ ލ. ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 127/O8C/2018 ގަޒިއްޔާގެ ހުކުމް ބާތިލު ކޮށްފީމެވެ.

ލ. ފޮނަދޫ ދަނބުގެ އަލްމަރްޙޫމް މުޙައްމަދު މޫސާގެ ގޯތި (ހައްދުންމަތީ ފޮނަދޫ އަލަމާގެ އެވެ ކިޔާ ބަންޑާރަ ގޯތި)، އެ މަރްހޫމްގެ ހަތަރު ދަރިންގެ ތެރެއިން އެއް ދަރި ކަމުގައިވާ ޙުސައިން މުޙައްމަދުއަށް ރަޖިސްޓަރީކޮށްދީފައިވަނީ ގާނޫނާ ޚިލާފަށް ކަމަށް ވާތީވެ، ޙުސައިން މުޙައްމަދުގެ ނަމުގައި މިހާރު އެގޯއްޗަށް ހަދައިދީފައިވާ އިމާރާތާއި ގޯތީގެ ރަޖިސްޓަރީ ބާތިލުކުރުމަށް މި މައްސަލަ ބެލި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައިފީމެވެ.

ލ. ފޮނަދޫ އަލަމާގޭގެ ގޯތީގައިވާ އެންމެހައި ނުއުފުލޭ މުދަލުގެ މިލްކުވެރިފަރާތަކީ އަލްމަރްހޫމް މުޙައްމަދު މޫސާ ކަމުގައި މި މައްސަލަ ބެލި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައިފީމެވެ.

މި ގޮތަށް މި މައްސަލަ ނިމުމުން، ލ. ފޮނަދޫ ކައުންސިލުން ލ. ފޮނަދޫ އަލަމާގޭ އެގޯތީ ރަޖިސްޓަރީ އަލުން ހަދައިދޭންވާނީ، ލ. ފޮނަދޫ އަލަމާގޭ އެގޯތީގައި ހުރި އަލްމަރްހޫމް މުޙައްމަދު މޫސާގެ ނުއުފުލޭ މުދަލުގެ ތަރިކައިގެ މައްސަލަ ހަމަޖައްސައި ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 2002/1) ގައިވާ އުސޫލުން ލ. ފޮނަދޫ އަލަމާގޭ ގޯތީގައިވާ އަލްމަރްހޫމް މުޙައްމަދު މޫސާގެ ނުއުފުލޭ މުދާ ޝަރިއަތުން ލިބިދޭ ފަރާތަކަށް ނުވަތަ ފަރާތްތަކުގު ނަމުގައި ކަމަށް، މި މައްސަލަ ބެލި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައިފީމެވެ.

މި ގަޒިއްޔާ ބަލައި ޙުކުމް ކުރީ:

އަޒްމިރާލްދާ ޒާހިރު ޙުސްނުއްސުޢޫދު ޢާއިޝާ ޝުޖޫން މުޙައްމަދު

(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ