ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2022] SC 05 · 2021/SC-A/11ސުޕްރީމް ކޯޓު · 16 ފެބުރުއަރީ 2022

އަޙްމަދު ތައުފީޤް ވ. ގަސްހިޔާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

ސުޕްރީމް ކޯޓު
1 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 16 ފެބުރުއަރީ 2022ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

އަޙްމަދު ތައުފީޤް ވ. ގަސްހިޔާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި)

ތަޢާރުފު

މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/620 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމުގައި ބުނެ އެ މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން ބެލުނު މައްސަލައެކެވެ. މި މައްސަލަ އިސްތިއުނާފު ކޮށްފައިވަނީ ހ. މެންގޯހައުސް އަޙްމަދު ތައުފީޤު އެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވަނީ، ގަސްހިޔާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރުC-0792/2014) އަށެވެ.

ކަންހިނގާފައިވާ ގޮތް

އަޙްމަދު ތައުފީޤުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ހ. މެންގޯހައުސް އެވެ ކިޔާ ގޯތީގައި 05 (ފަހެއް) ބުރީގެ އިމާރާތެއް އެޅުމަށްޓަކައި ބ. އޭދަފުށި ޕެންޓްލޭންޑް އަޙްމަދު ލަބީބު އާއި އަޙްމަދު ތައުފީޤާ ދެމެދު 28 މެއި 2007 ގައި ލިޔުމުން އެއްބަސްވުމެއް ވެފައިވެއެވެ. މި އެއްބަސްވުމާމެދު އުފެދުނު ޚިލާފުތަކާ ގުޅިގެން މި އެއްބަސްވުން ބާޠިލު ކުރުމަށް އަޙްމަދު ތައުފީޤުގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ. އެ މައްސަލައަށް އެ ކޯޓުން ދީފައިވާ ޤަޟިއްޔާ ނަންބަރަކީ 1604/Cv-C/2015 މި އެވެ.

ސިވިލް ކޯޓަށް ހުށަހެޅުނު އެ މައްސަލައިގައި އަޙްމަދު ތައުފީޤުގެ ބަދަލުގައި ގަސްހިޔާ މޯލްޑިވްސްގެ ފަރާތުން ސިވިލް ކޯޓަށް މީހަކު ފޮނުވައިގެން އެ މައްސަލަ ކުރިއަށް ގެންދިއުމަށް ނިންމައި އަޙްމަދު ތައުފީޤާއި ގަސްހިޔާ މޯލްޑިވްސްއާ ދެމެދު 27 އޮގަސްޓް 2015 ގައި ލިޔުމުން އެއްބަސްވުމެއް ވެވުނެވެ.

މި އެއްބަސްވުމުގެ ދަށުން ގަސްހިޔާ މޯލްޑިވްސްގެ ފަރާތުން ދެ ކަމެއް ކޮށްދޭންޖެހެއެވެ. ފުރަތަމަކަމަކީ، އެ ކުންފުނީގެ ފަރާތުން މީހަކު ފޮނުވައިގެން ޝަރީޢަތުގައި ދައްކަންޖެހޭ ވާހަކަތައް ދެއްކުމެވެ. ދެވަނަ ކަމަކީ، ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައާ ގުޅިގެން ލިޔަންޖެހޭ ލިޔުންތައް ލިޔެ ތައްޔާރު ކުރުމެވެ. އަދި މި އެއްބަސްވުމުގައިވާ ގޮތުން ގަސްހިޔާ މޯލްޑިވްސްގެ ފަރާތުން އަޙްމަދު ތައުފީޤަށް ކޮށްދޭ މަސައްކަތުގެ މުގާބިލެއްގެ ގޮތުގައި ހަމަޖައްސާފައި އޮތީ، ހ. މެންގޯހައުސް އެވެ ކިޔާ ގޯތީގައިވާ އިމާރާތުގެ އެންމެ ތިރީ ދެ ބުރި، ގަސްހިޔާ މޯލްޑިވްސްއަށް 05 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދީގެން އެ މުއްދަތުގެ ތެރޭގައި ލިބޭނެ ކަމަށް ބެލެވޭ ކުލީގެ ފައިސާއެވެ.

އަޙްމަދު ލަބީބު އާއި އަޙްމަދު ތައުފީޤާ ދެމެދު އުފެދުނު ހ. މެންގޯހައުސްއެވެ ކިޔާ ގޯތީގައި 05 (ފަހެއް) ބުރީގެ އިމާރާތެއް އިމާރާތްކުރުމާމެދު އުފެދުނު ދެ ބަސްވުމާ ގުޅިގެން ސިވިލް ކޯޓުން ބެލި އެ ކޯޓުގެ ނަންބަރު 1604/Cv-C/2015 ޤަޟިއްޔާ ނިމިފައިވަނީ 28 އޭޕްރިލް 2016 ގައެވެ. މި މައްސަލަ ނިމުމުން އަޙްމަދު ތައުފީޤު އާއި ގަސްހިޔާ މޯލްޑިވްސްއާ ދެމެދު ވެފައިވާ އެއްބަސްވުމާ އެއް ގޮތަށް ޢަމަލުކޮށް، ހ.މެންގޯހައުސް އެވެ ކިޔާ ގޯތީގައިވާ ޢިމާރާތުގެ ތިރީ ދެ ބުރި، ގަސްހިޔާ މޯލްޑިވްސްއާ ޙަވާލު ކުރުމަށް އަޙްމަދު ތައުފީޤު އިންކާރު ކުރިއެވެ. ކަންމިހެން ވުމުން، ގަސްހިޔާ މޯލްޑިވްސްގެ ފަރާތުން މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅިއެވެ.

ސިވިލް ކޯޓުން މައްސަލަ ނިންމި ގޮތް

ގަސްހިޔާ މޯލްޑިވްސްގެ ފަރާތުން އަޙްމަދު ތައުފީޤުގެ މައްޗަށް ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާގައި ބުނަނީ ދެ ފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުމާ އެއްގޮތަށް ޢަމަލު ކުރުމަށް އަޙްމަދު ތައުފީޤު އިންކާރު ކުރާ ކަމަށެވެ. ވުމާއެކު، އެ ކުންފުންޏާއި އަޙްމަދު ތައުފީޤާ ދެމެދު ވެވުނު އެއްބަސްވުމާ އެއްގޮތަށް ހ. މެންގޯހައުސް އެވެ ކިޔާ ގޯތީގެ ތިރީ ދެ ބުރި އެ ކުންފުންޏާ ޙަވާލު ކުރުމަށް އަޙްމަދު ތައުފީޤަށް އަންގައި ދިނުމަށް އެ ދަޢުވާގައި ގަސްހިޔާ މޯލްޑިވްސްއިން ސިވިލް ކޯޓުގައި އެދިފައިވެއެވެ.

ސިވިލް ކޯޓަށް ހުށަހެޅުނު ދަޢުވާއަށް އަޙްމަދު ތައުފީޤު އިންކާރު ކޮށްފައިވެއެވެ. މި ފަދައިން އިންކާރު ކުރަމުން ބުނެފައިވަނީ އެ ދައުވާގައިވާ މުޢާމަލާތަކީ އަޙްމަދު ތައުފީޤުއާއި ގަސްހިޔާ މޯލްޑިވްސްއާ ދެމެދު ކޮށްފައިވާ މުޢާމަލާތެއް ނޫންކަމުގައިއާއި، ސިވިލް ކޯޓުގައި ހިނގަމުންދިޔަ މައްސަލައެއްގައި ބަދަލުގެ ގޮތުގައި މަސައްކަތް ކޮށްދިނުމަށް އިބްރާހީމް ތައުފީޤުއާ ވާހަކަ ދެއްކި ކަމަށެވެ. އަދި އެ ގޮތަށް ދެއްކުމުން ހ.މެންގޯހައުސްގެ ދެ ބުރި 05 އަހަރު ދުވަހުގެ މުއްދަތަށް ކުޑަ ކުއްޔެއްގައި ދިނުމަށް އިބްރާހީމް ތައުފީޤު އެދުނު ކަމަށެވެ. އަދި ސިވިލް ކޯޓުގައި އޮތް މައްސަލަ ނިމުމުން އިމާރާތުގެ ދެ ބުރި ދެވޭނެ ކުއްޔެއް ކަނޑައެޅުމަށްފަހު ދެވިދާނެ ވާހަކަ ބުނެފައިވާނެ ކަމަށާއި، މި ވާހަކަތަކުގެ މައްޗަށް އިބްރާހީމް ތައުފީޤު ހެދި އެއްބަސްވުމެއްގައި އަޙްމަދު ތައުފީޤު ސޮއިކުރީ އަޙްމަދު ތައުފީޤުގެ ފަރާތުން އެއްވެސް ހެކިވެރިޔަކު ނެތިކަމަށާއި، އަޙްމަދު ތައުފީޤަކީ ލިޔަންކިޔަން ނުދަންނަ މީހަކަށްވާތީ އޭނާގެ ފަރާތުން ހެކިވެރިޔަކު ހުރުމަށް އިބްރާހީމް ތައުފީޤުގެ ގާތުގައި އެދިފައިވާނެ ކަމަށެވެ.

ސިވިލް ކޯޓުން މި މައްސަލަ ނިންމަމުން ފާހަގަކޮށްފައިވަނީ، އިބްރާހީމް ތައުފީޤާއި އަޙްމަދު ތައުފީޤުއާ ދެމެދު ދެކެވުނު ވާހަކަތަކުގައި، އިބްރާހީމް ތައުފީޤު ހުށަހެޅި ހުށަހެޅުން އަޙްމަދު ތައުފީޤަށް ސާފުވެހުރެ، 27 އޮގަސްޓް 2015 ގައި އެއްބަސްވުމުގައިވާ ކަންކަމަށް އެއްބަސްވެ އަޙްމަދު ތައުފީޤު ސޮއިކޮށްފައި އޮތުމުން އިބްރާހީމް ތައުފީޤު ހުށަހެޅި ހުށަހެޅުން އަޙްމަދު ތައުފީޤު ޤަބޫލު ކޮށްފައިވާކަމަށެވެ. އަދި ދެ ފަރާތުގެ ދެމެދުގައި ކޮންޓްރެކްޓެއް އުފެދިފައިވާ ކަމުގައެވެ. އަދި އެ ކޮންޓްރެކްޓާ އެއްގޮތަށް ގަސްހިޔާ މޯލްޑިވްސްގެ ފަރާތުން މީހަކު ފޮނުވައިގެން ސިވިލް ކޯޓުގެ ނަންބަރު 1604/Cv-C/2015 ޤަޟިއްޔާގައި އަޙްމަދު ތައުފީޤުގެ ބަދަލުގައި ކުރަންޖެހުނު މަސައްކަތް ގަސްހިޔާ މޯލްޑިވްސްގެ ފަރާތުން ފުރިހަމަ ކޮށްފައިވާކަން ހުށަހެޅިފައިވާ ލިޔުންތަކުން އެނގޭ ކަމަށެވެ.

ކަންމިހެން އޮތުމާއެކު، ދެ ފަރާތުގެ ދެމެދުގައިވާ އެއްބަސްވުމަށް އިޙްތިރާމުކޮށް، އެ އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރުމަށް އަޙްމަދު ތައުފީޤަށް އަންގައި މި މައްސަލަ ސިވިލް ކޯޓުން ނިންމާފައިވެއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމާފައިވާ ގޮތް

ސިވިލް ކޯޓުން މި މައްސަލަ ނިންމި ގޮތް ޤާނޫނާ އެއްގޮތް ނޫންކަމުގައި ބުނެ މި މައްސަލަ އަޙްމަދު ތައުފީޤު ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. މި އިސްތިއުނާފުގައި މައިގަނޑު ތިން ނުކުތާއެއް އަޙްމަދު ތައުފީޤު ފާހަގަ ކޮށްފައިވެއެވެ.

ހައިކޯޓުގައި ކުރިއަށް ދިޔަ މި މައްސަލައިގެ އިސްތިއުނާފީ އަޑުއެހުމުގައި ގަސްހިޔާ މޯލްޑިވްސްގެ ފަރާތުން އިޖުރާއީ އިޢުތިރާޟެއް ހުށަހެޅިއެވެ. މި އިޢުތިރާޟުގައި އެ ކުންފުނީގެ ފަރާތުން ފާހަގަކޮށްފައިވަނީ، މި މައްސަލަ ހައިކޯޓުގައި އަޙްމަދު ތައުފީޤު އިސްތިއުނާފު ކޮށްފައިވަނީ އިސްތިއުނާފު ކުރުމަށް ހަމަޖެހިފައި އޮތް މުއްދަތު ފަހަނައަޅައި ދިޔަ ފަހުންކަމަށާއި، މި ފަދައިން އިސްތިއުނާފުގެ މުއްދަތު ފަހަނައަޅައި ދިޔަ ފަހުން މި މައްސަލަ ހައިކޯޓުން ބަލައިގަނެ ރަޖިސްޓްރީ ކޮށްފައިވަނީ، އިސްތިއުނާފު ކުރުމަށް ހުރަސްއެޅޭ ފަދަ އަމިއްލަ ބާރު ނުފޯރާ ފަދަ މަޤުބޫލު ސަބަބެއް އޮވެގެން ނޫންކަމަށެވެ. ކަންމިހެން އޮތުމުން މި މައްސަލައަކީ މައުޟޫޢީ ގޮތުން ހައިކޯޓުން ކުރިއަށް ގެންދެވިދާނެ މައްސަލައެއް ނޫންކަމުގައި ކަނޑައަޅައި މި މައްސަލަ ނިންމައި ދިނުމަށް ގަސްހިޔާ މޯލްޑިވްސްގެ ފަރާތުން އެދިފައިވެއެވެ.

މި އިޖުރާއީ އިޢުތިރާޟަށް ޖަވާބު ދެމުން އަޙްމަދު ތައުފީޤުގެ ފަރާތުން ފާހަގަކޮށްފައިވަނީ، މި މައްސަލަ އިސްތިއުނާފު ކުރުން ލަސްވެފައިވަނީ، އޭނާއަކީ ޕެރެލައިޒްވެ ރަނގަޅަށް ހިނގާބިނގާވެ ނުއުޅެވޭ މީހެއްކަމަށާއި، މި މައްސަލައިގައި ސިވިލް ކޯޓުން ޙުކުމްކުރީ އޭނާ ހއ. ކެލާގައި ބޭސްފަރުވާއަކަށް ގޮސްހުއްޓާ ސިވިލް ކޯޓުގެ އެންގުމަކަށް އެ ކޯޓަށް ގެނެސްގެން ކަމަށާއި، ޙުކުމްކުރުމާއެކު، ކެލައަށް އެނބުރި ދިޔައީ ކަމަށާއި، އޭނާއަކީ ޕެރެލައިޒްވެ ސިކުނޑީގެ އުނިކަމެއް ހުރި މީހެއްކަން ސާބިތުވާނެ ޑޮކްޓަރުގެ ލިޔުން ޝަރީޢަތަށް ހުށަހަޅާފައިވާނެ ކަމަށެވެ.

ހައިކޯޓުން މި މައްސަލައިގައި، މައްސަލަ މައުޟޫޢީ ގޮތުން ބަލައި ގޮތެއް ކަނޑައަޅާފައި ނުވެއެވެ. އަދި ގަސްހިޔާ މޯލްޑިވްސްގެ ފަރާތުން ހުށަހެޅި އިޖުރާއީ ނުކުތާ ބަލައިގަނެ، މައްސަލަ އިސްތިއުނާފު ކުރުން ލަސްވުމުގައި އަމިއްލަ ބާރު ނުފޯރާ މަޤުބޫލު ސަބަބެއް އަޙްމަދު ތައުފީޤަށް ދެއްކިފައި ނުވާކަމަށާއި، މި މައްސަލަ ހައިކޯޓުން ބަލައިގަނެފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމުގައި މައްސަލަ ބެލި ފަނޑިޔާރުންގެ އަޣްލަބިއްޔަތުން ޙުކުމްކޮށްފައިވެއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފީ ނުކުތާތައް

މި މައްސަލަ ހައިކޯޓުން ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމުގައި ބުނެ އަޙްމަދު ތައުފީޤު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ހަތަރު ނުކުތާއެއް ފާހަގަ ކޮށްފައިވެއެވެ. މި ހަތަރު ނުކުތާގައި މައިގަނޑު ގޮތެއްގައި ފާހަގަ ކޮށްފައިވަނީ މި މައްސަލަ މައުޟޫޢީ ގޮތުން ނުބެލުމަށް ހައިކޯޓުން ނިންމާފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގެ (ހ) އާއި، 17 ވަނަ މާއްދާގެ (ހ) އާއި، 42 ވަނަ މާއްދާގެ (ރ) އާއި، 48 ވަނަ މާއްދާގެ (ހ) އާއި، ސުޕްރީމް ކޯޓުން ނިންމާފައިވާ ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ވ. ދިވެހި ދައުލަތް (މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް) މައްސަލައިގައި ކަނޑައަޅާފައިވާ ކަމާބެހޭ ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމުގައެވެ.

މި އިސްތިއުނާފީ ނުކުތާތައް ފާހަގަ ކުރުމަށްފަހު، އަޙްމަދު ތައުފީޤުގެ ފަރާތުން އެދިފައިވަނީ މި މައްސަލައިގައި ހައިކޯޓުން ކޮށްފައިވާ ޙުކުމް ބާޠިލު ކުރުމަށްފަހު، މި މައްސަލަ މައުޟޫޢީ ގޮތުން ބެލުމަށް ހައިކޯޓަށް ތަހުވީލު ކޮށްދިނުމަށެވެ.

އިސްތިއުނާފީ ނުކުތާތަކުގެ ރައްދު

އަޙްމަދު ތައުފީޤުގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކުގެ ޖަވާބުގައި ގަސްހިޔާ މޯލްޑިވްސްގެ ފަރާތުން ފާހަގަކޮށްފައިވަނީ، މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ހަމަޖެހިފައިވާ އިސްތިއުނާފުގެ މުއްދަތުގައި އަޙްމަދު ތައުފީޤަށް މި މައްސަލަ އެ ކޯޓުގައި އިސްތިއުނާފު ކުރުމަށް ހުރަސްއެޅުނު އަމިއްލަ ބާރު ނުފޯރާފަދަ ސަބަބެއް ދެއްކިފައި ނުވާކަމަށާއި، އެކަން ތަފުސީލުކޮށް ހައިކޯޓުގެ ނިންމުމުގައި ފާހަގަ ކޮށްފައިވާ ކަމަށާއި، ހައިކޯޓުން މި މައްސަލަ މައުޟޫޢީ ގޮތުން ނުބެލުމަށް ނިންމި ނިންމުމަކީ ޤާނޫނާ ޚިލާފު ނިންމުމެއް ނޫން ކަމުގައެވެ.

ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހޭ ނުކުތާ

މި މައްސަލައިގައި ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހެނީ ހައިކޯޓުން މި މައްސަލަ މައުޟޫޢީ ގޮތުން ކުރިއަށް ނުގެންދިއުމަށް ނިންމާފައިވާ ނިންމުމަކީ ޤާނޫނާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއްކަން ނުވަތަ ނޫންކަމުގެ މައްޗަށެވެ. މި ނުކުތާއާމެދު ގޮތެއް ނިންމުމުގައި ދެ ފަރާތުން ސުޕްރީމް ކޯޓުގައި ފާހަގަކުރި ޤާނޫނީ އުސޫލުތަކަށް ރިޢާޔަތް ކުރުމާއެކު، މި މައްސަލަ ހައިކޯޓަށް އިސްތިއުނާފު ކުރުމަށް އޮތް މުއްދަތުގައި އަޙްމަދު ތައުފީޤަށް މި މައްސަލަ އިސްތިއުނާފު ނުކުރެވުނީ އޭނާއަށް އަމިއްލަ ބާރު ނުފޯރާ ސަބަބެއް މެދުވެރިވެގެންކަން ނުވަތަ ނޫންކަމާމެދު އެ ކޯޓުގައި ދެ ފަރާތުން ދެއްކި ވާހަކަތަކާއި ހުށަހެޅި ލިޔެކިޔުންތަކަށް ބަލާލާނަމެވެ.

އިސްތިއުނާފުގެ މުއްދަތު

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-RU/01 ރޫލިންގއާއި، ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC/06 ސަރކިއުލަރއަށް ބަލާއިރު، ފުރަތަމަ މަރުޙަލާގެ ކޯޓުތަކުންނާއި، ޓްރައިބިއުނަލްތަކުން ކުރާ ޙުކުމްތަކާއި ނިންމާ ނިންމުންތައް އިސްތިއުނާފު ކުރަންޖެހޭ މުއްދަތަކީ 10 (ދިހައެއް) ދުވަހެވެ. ކޯޓުތަކުގެ ޤާނޫނުގެ 42 ވަނަ މާއްދާގެ (ރ) ގައިއާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ރ) ގައި މި މުއްދަތަށް އިސްތިސްނާއެއް ދީފައިވެއެވެ. އެއީ އަމިއްލަ ބާރު ނުފޯރާފަދަ މަޤުބޫލު ސަބަބެއް މެދުވެރިވުމެވެ.

އަމިއްލަ ބާރު ނުފޯރާފަދަ މަޤުބޫލު ސަބަބެއް މެދުވެރިވެގެން އިސްތިއުނާފުގެ މުއްދަތު ހަމަވުމަށްފަހު، އިސްތިއުނާފީ ހުށަހެޅުމެއް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅައިފިނަމަ، އެ އިސްތިއުނާފު ޤަބޫލުކުރުމުގެ އިޚްތިޔާރު ހައިކޯޓުގެ ގަވާއިދުން ދީފައިވަނީ އެ ކޯޓުގެ ފަނޑިޔާރުންނަށެވެ. އަދި މިފަދަ ސަބަބެއް މެދުވެރިވިކަން ސާބިތު ކޮށްދިނުމުގެ ބުރަ އުފުލަންޖެހެނީ މިފަދަ ސަބަބެއް އޮތްކަމަށް ބުނާ އިސްތިއުނާފަށް ހުށަހަޅާ ފަރާތުންކަންވެސް މި ގަވާއިދަށް ބެލުމުން އެނގެއެވެ.

އަމިއްލަ ބާރު ނުފޯރާފަދަ މަޤުބޫލު ސަބަބުތައް

އިސްތިއުނާފު ކުރުމަށް ޤާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގައި އިސްތިއުނާފު ކުރުމަށް ހުށަނޭޅުނު ސަބަބަކީ އަމިއްލަ ބާރު ނުފޯރާފަދަ މަޤުބޫލު ސަބަބެއްކަން ނުވަތަ ނޫންކަން ބަލައި ވަޒަންކުރުމުގައި ރިޢާޔަތްކުރެވިދާނެ ސަބަބުތަކެއް ކުރިން ސުޕްރީމް ކޯޓުން ނިންމާފައިވާ މައްސަލަތަކުގައި ފާހަގަ ކޮށްފައިވެއެވެ. މި ސަބަބުތަކުގެ ތެރޭގައި އިސްތިއުނާފުކުރާ ފަރާތުގެ ބަލި ހާލަތުގެ ސަބަބުން އިސްތިއުނާފަށް ހުށަހެޅުމުގެ ފުރުސަތު ނުލިބުން ހިމެނެއެވެ.

އިސްތިއުނާފަށް ހުށަނޭޅުނު ސަބަބު

އިސްތިއުނާފުގެ މުއްދަތު ހަމަވިފަހުން 27 އޮކްޓޯބަރ 2019 ގައި މި މައްސަލަ ހައިކޯޓަށް ހުށަހެޅި ސަބަބެއް ކަމުގައި އަޙްމަދު ތައުފީޤުގެ ފަރާތުން ފާހަގަ ކޮށްފައިވާ ސަބަބަކީ އަޙްމަދު ތައުފީޤުގެ ބަލި ހާލަތެވެ. އަޙްމަދު ތައުފީޤުގެ ބަލި ހާލަތު އެނގޭނެ ތިން ލިޔުމެއް ހައިކޯޓަށް އޭނާ ހުށަހެޅިކަމުގައި ބުނެއެވެ.

މި ތިން ލިޔުމުގެ ތެރެއިން ފުރަތަމަ ލިޔުމަކީ، "ޔޫރޯ މެޑިކަލް ކެއަރ" ކްލިނިކުން 24 އޮގަސްޓް 2019 ގައި ދޫކޮށްފައިވާ ލިޔުމެކެވެ. މި ލިޔުމުގައި އަހްމަދު ތައުފީޤަކީ ހަނދާންނެތޭ ބައްޔާއި، ލޭ މައްޗަށް ދިއުމުގެ އިތުރަށް އަމިއްލައަށް ނުއުޅެވޭފަދަ ހާލަތެއްގައިވާ މީހެއް ކަމުގައި ބަޔާން ކޮށްފައިވެއެވެ. އަދި މި ތާރީޚުގައި އަޙްމަދު ތައުފީޤު ބެލި ޑޮކްޓަރަކީ މީގެ އަހަރުތަކެއް ކުރިން ފެށިގެން އަޙްމަދު ތައުފީޤުގެ ޞިއްޙީ ހާލަތު ބަލައި، އޭނާއަށް ފަރުވާ ދީފައިވާ ޑޮކްޓަރެއްކަމުގައި ބަޔާން ކޮށްފައިވެއެވެ.

ދެވަނަ ލިޔުމަކީ ވެސް "ޔޫރޯ މެޑިކަލް ކެއަރ" އިން ދޫކޮށްފައިވާ ލިޔުމެކެވެ. މި ލިޔުމުގައި ލިޔުން ދޫކުރި ތާރީޚެއް ނެތް ނަމަވެސް މި ލިޔުން ދޫކޮށްފައިވަނީ 24 އޮގަސްޓް 2019 ގައި ލިޔުން ދޫކުރި ޑޮކްޓަރެވެ. އަޙްމަދު ތައުފީޤު ބުނާ ގޮތުން މި ލިޔުމަކީ 2017 ވަނަ އަހަރު އެ ކްލިނިކުން ދޫކޮށްފައިވާ ލިޔުމެކެވެ. މި ލިޔުން ހޯދާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 2053/Cv-C/2017 ޤަޟިއްޔާ އެ ކޯޓުގައި ހިނގަމުންދިޔައިރު، ބަލި ހާލަތު ހުރި ގޮތް އެ ކޯޓަށް އެންގުމަށެވެ.

ތިންވަނަ ލިޔުމަކީ ސިވިލް ކޯޓުގެ ނަންބަރު 2053/Cv-C/2017 ޤަޟިއްޔާއާ ގުޅިގެން ސިވިލް ކޯޓަށް މެޑިކަލް ފޯމެއް ހުށަހެޅުމަށްޓަކައި 15 އޮކްޓޯބަރ 2017 ގައި އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ ޑޮކްޓަރަކަށް ދެއްކުމަށްޓަކައި އެ ހޮސްޕިޓަލުން ދޫކުރި މެމޯ އެވެ.

މި ތިން ލިޔުން ހުށަހެޅުމަށްފަހު، 24 އޮގަސްޓް 2019 ގެ ލިޔުން ހޯދަން ޖެހުނީ 2017 ގައި ޔޫރޯ މެޑިކަލް ކެއަރ އިން ދޫކުރި ލިޔުމުގައި ލިޔުން ދޫކުރި ތާރީޚު ނެތުމުން ކަމަށާއި، ހައިކޯޓަށް މި ހުށަހެޅި ލިޔުންތަކުން އޭނާއަކީ ގިނަ ދުވަސްތަކެއް ވަންދެން އެ ބަލި ހާލުގައި ތަކުލީފު އުފުލަން ޖެހިފައިވާ މީހެއްކަން އެނގޭނެ ކަން އަޙްމަދު ތައުފީޤުގެ ފަރާތުން ހައިކޯޓާއި ސުޕްރީމް ކޯޓުގައި ބުނެފައިވެއެވެ. މީގެ އިތުރަށް ސިވިލް ކޯޓަށް މި މައްސަލަ ނިންމި ދުވަހު އޭނާ ހާޒިރުކުރީ ހއ. ކެލާގައި ދިވެހި ބޭސްކުރުމަށް އެ ރަށުގައި ހުއްޓާ ކަމަށާއި، ޙުކުމް ކުރުމާއެކު އެނބުރި އެރަށަށް ބޭސްފަރުވާ ކުރަން ދިޔަ ނަމަވެސް، އެ ރަށަށް ދިޔަ ތާރީޚާއި، އެ ރަށުގައި ކުރި ބޭސްފަރުއާ ގުޅޭ ލިޔެ ކިޔުންތަކެއް ނެތީ، އެ ފަދައިން ރަށްރަށުން ބޭސްފަރުވާ ކުރުމުގައި ލިޔެ ކިޔުންތައް ނުގެންގުޅޭތީ ކަމުގައި އަހްމަދު ތައުފީޤު ބުނެއެވެ.

އިސްތިއުނާފު ކުރުމަށް އޮންނަ މުއްދަތުގައި އަޙްމަދު ތައުފީޤަށް މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ނުކުރެވިދާނެ ފަދަ ޞިއްޙީ ހާލަތެއް އޭނާއަށް ކުރިމަތިވެފައިވާކަން މި މައްސަލައިގައި އޭނާ ހައިކޯޓަށް ހުށަހަޅާފައިވާ ލިޔުންތަކުން އެނގެއެވެ. މި މައްސަލައިގައި 24 އޮގަސްޓް 2019 ގައި ޔޫރޯ މެޑިކަލް ކެއަރއިން ދޫކޮށްފައިވާ ލިޔުމާއި، 2017 ގައި އެ ކްލިނިކުން ދޫކޮށްފައިވާކަމަށް އަޙްމަދު ތައުފީޤު ބުނާ ލިޔުމުން އަޙްމަދު ތައުފީޤުގެ ޞިއްޙީ ހާލަތު ސާފުވެއެވެ. މީގެ އިތުރުން މި މައްސަލަ ސިވިލް ކޯޓުގައި ހިނގަމުން ދިޔައިރު، 26 ފެބްރުއަރީ 2018 ވަނަ ދުވަހު އެ ކޯޓަށް ހާޒިރުވެ ބަޔާނެއް ދިނުން ފިޔަވައި އެ ކޯޓަށް އަޙްމަދު ތައުފީޤު ހާޒިރުވެ ނުވަތަ ހާޒިރުކޮށް ޝަރީޢަތުގައި ވާހަކަ ދައްކައި، މަޙުޟަރު ބަޔާނެއްގައި ސޮއިކޮށްފައިވާ ކަން ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން ނެތެވެ. އަދި 28 މާރޗް 2018 ގައި މި މައްސަލައިގައި އޭނާގެ ބަލި ހާލަތުގެ ސަބަބުން އެ ކޯޓަށް ހާޒިރުވުމަށް އުޒުރުވެރިވާތީ، އޭނާގެ ބަދަލުގައި އެ މައްސަލައަށް އެހެން މީހަކު ހާޒިރުވެ ޖަވާބުދާރީ ވުމަށްޓަކައި ބަދަލު ހަމަޖައްސާފައިވާކަން ލިޔުންތަކުން އެނގެއެވެ. ކަންމިހެން އޮތުމުން އިސްތިއުނާފު ކުރުމަށް އޮތް މުއްދަތުގައި އަޙްމަދު ތައުފީޤަށް މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރެވިފައި ނުވަނީ އޭނާއަށް އަމިއްލަ ބާރު ނުފޯރުވޭ ފަދަ މަޤުބޫލު ސަބަބެއް މެދުވެރިވެގެން ކަމުގައިއާއި، އެ ފަދަ ސަބަބެއް މެދުވެރި ވެފައިނުވާ ކަމުގައި ހައިކޯޓުން ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ކަމުގައި ނުދެކެމެވެ.

އަދި މި ސަބަބުތައް މި ގޮތަށް ހުރިއިރު، އަޙްމަދު ތައުފީޤުގެ ފަރާތުން އޭނާގެ ޞިއްޙީ ހާލަތު ބަޔާންކޮށް ހައިކޯޓަށް ހުށަހަޅާފައިވާ ލިޔުންތަކަކީ، ޙަޤީޤަތާ ޚިލާފު އަދި މި މައްސަލައަށް އަމާޒުކޮށްގެން ހަދާފައިވާ ލިޔުންތަކެއް ކަމުގައްޔާއި، އިސްތިއުނާފު ކުރުމަށް ހަމަޖެހިފައި އޮތް މުއްދަތުގައި މި މައްސަލަ އަޙްމަދު ތައުފީޤަށް އިސްތިއުނާފު ކުރުމަށް ހުރަސްއަޅާ ސަބަބެއް ނެތްކަމުގައި ގަސްހިޔާ މޯލްޑިވްސްގެ ފަރާތުން ބުނާ ބުނުން އަހުރެންނަށް ޤަބޫލެއް ނުކުރެވެއެވެ. އަދި އެ ބުނުމަށް ބާރުދޭ ހެއްކެއް އިބްރާހީމް ތައުފީޤުގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވެސް ނުވެއެވެ.

ވުމާއެކު، މި މައްސަލައިގައި ހައިކޯޓުގެ ނަންބަރު 2019/HC-A/620 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލުކޮށް، އަޙްމަދު ތައުފީޤުގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، މި މައްސަލައަކީ މައުޟޫޢީ ގޮތުން އަލުން ހައިކޯޓުން ބަލަންޖެހޭ މައްސަލައެއްކަމުގައި ކަނޑައަޅަން އަހުރެންނަށް ފެނެއެވެ.

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު

މި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު

މި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެ ގޮތުގެމަތިން ހުރުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/620 ޤަޟިއްޔާގައި އެ ކޯޓުން ކޮށްފައިވާ ޙުކުމަކީ ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކޮށްފައިވާ ޙުކުމެއް ކަމުގައި ކަނޑައަޅައި، އެ ޙުކުމް ބާޠިލުކުރުމާއެކު ހައިކޯޓުގެ ނަންބަރު 2019/HC-A/620 ޤަޟިއްޔާ މައުޟޫޢީ ގޮތުން ބެލުމަށްޓަކައި ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ، ދިވެހިރާއްޖޭގެ ހައިކޯޓަށް މި މައްސަލަ ތަހްވީލުކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

ޢާއިޝާ ޝުޖޫން މުޙައްމަދުމަޙާޒު ޢަލީ ޒާހިރުމުޙައްމަދު އިބްރާހީމް(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ