ބޭންކް އޮފް މޯލްޑިވްސް ޕލކ ވ. އާމިނަތު ރަޝީދާ
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ބޭންކް އޮފް މޯލްޑިވްސް ޕލކ ވ. އާމިނަތު ރަޝީދާ[2022] SC 79
އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔު (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު ޙުސްނުއްސުޢޫދު ތާއީދު ކުރައްވާފައި)
ތަޢާރުފު
މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/653 ޤަޟިއްޔާ ނިންމާފައިވާގޮތް ޤާނޫނީގޮތުން ރަނގަޅުނޫން ކަމަށްބުނެ، ބޭންކް އޮފް މޯލްޑިވްސް ޕލކ (މީގެފަހުން: 'ބޭންކް' ނުވަތަ 'އިސްތިއުނާފުކުރާ ފަރާތް') އިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އެ މައްސަލަ އިސްތިއުނާފުކުރުމުން ބެލި ޤަޟިއްޔާއެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާފަރާތަކީ، ސ. ހިތަދޫ، ނޫރުވާދީ، އާމިނަތު ރަޝީދާ (މީގެ ފަހުން: 'އާމިނަތު ރަޝީދާ' ނުވަތަ 'އިސްތިއުނާފު ރައްދުވާ ފަރާތް') އެވެ.
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއަށް ހުށަހެޅި މައްސަލަ
އާމިނަތު ރަޝީދާ ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށް އެދި، 14 ނޮވެންބަރު 2019 ގައި، ބޭންކް އޮފް މޯލްޑިވްސްއަށް މައްސަލަ ރައްދުވާ ގޮތަށް އާމިނަތު ރަޝީދާ ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް މައްސަލަ ހުށަހެޅިއެވެ. މި މައްސަލައިގައި އާމިނަތު ރަޝީދާގެ ފަރާތުން އެދިފައިވަނީ؛
ވަޒީފާ އަނބުރާ އިޢާދަކޮށްދިނުމަށާއި؛
ވަޒީފާ އަލުން އަނބުރާ އިޢާދަކޮށްދޭ ދުވަހާ ހަމައަށް އެ ވަޒީފާގައި ހުރިނަމަ، ލިބޭނެ މުސާރައާއި ޢިނާޔަތްތައް ނަގައި ދިނުމަށާއި؛
ވަޒީފާއިން ވަކިކުރަން ނިންމިނިންމުން ބާޠިލުކޮށްދިނުމަށާއި؛
އަދި ނުޙައްޤުން ވަޒީފާއިން ވަކިކޮށްފައިވާތީ، މައްސަލަ ހުށަހެޅި ފަރާތް ތަޙައްމަލު ކުރަންޖެހުނު ކަންކަމަށް ޝަރީޢަތުން ޢަދުލުވެރި ބަދަލެއް ނަގައި ދިނުމަށެވެ.
ޓްރައިބިއުނަލުން ނިންމިގޮތް
ޓްރައިބިއުނަލުން މައްސަލަ ނިންމާފައިވަނީ ޓްރައިބިއުނަލްގެ ނަންބަރު200-L/INDIV/2019/477 ( (260/VTR/2019 (ޓްރައިބިއުނަލުން ބެލެން ނެތް މައްސަލައެއްކަން އަންގާ ލިޔުން) އިންނެވެ. 04 ޑިސެންބަރު 2019 ގައި މި މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވަނީ، މި މައްސަލައަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 250/VTR/2019 މައްސަލައާ އެއްވާޤިޢާތަކެއްގެ މައްޗަށް އެއް ފަރުވާއެއް ލިބިދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައެއްކަމުގައިވާތީ، އަދި އެ މައްސަލައާ ގުޅިގެން 12 ނޮވެންބަރު 2019 ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ގޮތެއް ކަނޑައަޅާ ނިންމާފައިވާކަން އެނގެން އޮންނާތީ މި މައްސަލައަކީ އެ ޓްރައިބިއުނަލްއަށް ބެލުމުގެ އިޚްތިޞާޞް ލިބިގެންނުވާ މައްސަލައެއްކަމަށް ކަނޑައަޅައެވެ.
ހައިކޯޓުގައި ކުރި އިސްތިއުނާފު
ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 260/VTR/2019(200-L/INDIV/2019/477) މައްސަލައިގެ ނިންމުން އިސްތިއުނާފުކުރުމަށް އާމިނަތު ރަޝީދާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ހައިކޯޓުން އެ މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2019/HC-A/653 ޤަޟިއްޔާއިންނެވެ.
މި މައްސަލަ ހައިކޯޓުން ނިންމާފައިވަނީ، އަންނަނިވި ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ގެ 46 ވަނަ މާއްދާގެ (ށ) ގެ ދަށުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ތަޙުވީލުކޮށެވެ.
އާމިނަތު ރަޝީދާގެ ފަރާތުން ހުށަހެޅި މައްސަލައިގެ މައުޟޫޢާމެދު ޓްރައިބިއުނަލުން ބަލައި ގޮތެއް ނިންމާފައިނުވުމާއި، މައުޟޫޢަށް ބެލުމަކާ ނުލައި ނިންމާފައިވާ ނިންމުމެއް ނުވަތަ ނުކުތާއެއް އަލުން ހުށަހެޅިގެން ބެލުމަކީ ރެސްޖުޑިކާޓާގެ މަބްދަޢާ ޚިލާފުވުން ނޫންކަން؛
ހައިކޯޓަށް އިސްތިއުނާފު ކުރެވިފައިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމުގައި ހަވާލާދީފައިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 39/VTR/2019 (މުޙައްމަދު ސަޢީދު ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް) މައްސަލައާއި، އާމިނަތު ރަޝީދާގެ ފަރާތުން ހުށަހެޅުމުން އެ ޓްރައިބިއުނަލުން ނުބެލުމަށް ނިންމި މައްސަލަ، ނިންމި އިޖުރާއަތު ތަފާތުވާތީ މުޙައްމަދު ސަޢީދު ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް މައްސަލައިގައި ނިންމާފައިވާ ނިންމުން މި މައްސަލައަށް ތަޠުބީޤުކުރި ޤާނޫނީ ހަމަ ރަނގަޅުކަމަށް ނުފެންނަކަން؛ އަދި
ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްމާޢީލް ޙިލްމީ ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ނިންމުމަށް ރިޢާޔަތްކުރާއިރު އާމިނަތު ރަޝީދާ ވަޒީފާއިން ވަކިކުރި މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމަށް ޤާނޫނުގައި ބަޔާންކޮށްފައިވާ 3 (ތިނެއް) މަސްދުވަހުގެ މުއްދަތު ގުނަން ފަށަންޖެހޭނީ، އޭނާ ވަޒީފާއިން ވަކިކުރި ނިންމުން މުރާޖަޢާކޮށް ނިންމި ތާރީޚު ކަމުގައިވާ 11 ސެޕްޓެންބަރު 2019 ދުވަހުން ފެށިގެންކަން؛ މިއެވެ.
ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވުނު ނުކުތާތައް
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/653 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށް ބުނެ ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން، 02 (ދޭއް) ނުކުތާއެއް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ، މި މައްސަލައިގައި ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 28 ވަނަ މާއްދާގެ (ހ) މާނަކުރައްވާފައިވަނީ އަދި ތަޠުބީޤުކުރައްވާފައިވަނީ އެ މާއްދާއިން ކަށަވަރުކޮށްދޭ ޙައްޤުތަކުގައި ހަމަހަމަކަން ގެއްލޭފަދަ ގޮތަކަށް ކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
ދެވަނަ ނުކުތާއަކީ، މި މައްސަލައިގައި ހައިކޯޓުގެ މުޙައްމަދު ސަޢީދު ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް ޤަޟިއްޔާ ތަޠުބީޤުކުރައްވާފައިވަނީ މި މައްސަލައިގެ ވާޤިޢާތަކަށާއި ވަށައިގެންވާ ކަންކަމަށް ރިޢާޔަތްކުރުމަކާ ނުލައި ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
އިސްތިއުނާފީ ނުކުތާތަކަށް ދީފައިވާ ރައްދު
އިސްތިއުނާފު ރައްދުވާ ފަރާތުން އިސްތިއުނާފީ ނުކުތާތަކުގެ ޖަވާބުގައި މައިގަނޑު ގޮތެއްގައި އަންނަނިވި ކަންކަން ފާހަކުރިއެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ވަޒީފާ ބަޔާނުގައި ޑިސިޕްލިނަރީ މައްސަލަތަކުގައި މުވައްޒަފުންނާމެދު ޢަމަލުކުރާނީ ބޭންކުން އެކުލަވާލައިފައި އޮންނަ ޑިސިޕްލިނަރީ އެންޑް ގްރީވަންސް ޕްރޮސީޖަރ ގެ ދަށުންކަމަށް އޮންނާތީއާއި، ވަޒީފާ ބަޔާނުގައި ފުރަތަމަ ސޮއިކުރަނީވެސް މި ޕްރޮސީޖަރއާ އެއްގޮތަށް ޢަމަލުކުރެވޭނެކަން އެނގިގެން ކަމަށްވާތީ، އަދި 25 ޖޫން 2019 ގައި އާމިނަތު ރަޝީދާއަށް ބޭންކުގެ ފަރާތުން ފޮނުވި ޓާރމިނޭޝަން ލެޓަރ ގައިވެސް ބަޔާންކުރެވުނު ޑިސިޕްލިނަރީ އެންޑް ގްރީވަންސް ޕްރޮސީޖަރ ގެ 3.1 ގައި ބަޔާންކޮށްފައި އޮންނަ ކަންތައްތަކުގެ ތެރެއިން ކަމަކާ އޭނާ ޚިލާފުވެފައިވާކަމަށް ބުނެފައިވާތީކަން.
ޑިސިޕްލިނަރީ މައްސަލަތައް އަދި ގްރޮސް މިސް ކޮންޑަކްޓްގެ މައްސަލަތައް ބަލާ ސްޓެޕްތަކުގެ ތެރެއިން ފަސްވަނަ ސްޓެޕްގައި އޮންނަނީ ބޭންކުން އިބްތިދާއީ ގޮތުން ނިންމާނިންމުން ފައިނަލްވާނީ ބޭންކުގެ ނިންމުން އިސްތިއުނާފުކޮށް އިސްތިއުނާފު ރިވިއުކުރުމަށްފަހު ބޭންކުން ނިންމާނިންމުމާ ހަމައިންކަން.
ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްމާޢީލް ޙިލްމީ ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް ޤަޟިއްޔާއާ މި މައްސަލަ ތަފާތުކަމަށް ބޭންކުން ފާހަގަކުރިނަމަވެސް، އިސްމާޢީލް ޙިލްމީ ޤަޟިއްޔާއާ މި މައްސަލައާ އެއްގޮތްކަންތައްތަކެއް އެބަހުރި ކަމަށާއި، ފުރަތަމަ ކަމަކީ، ދެ މައްސަލައިގައިވެސް ޓްރައިބިއުނަލްއަށް މައްސަލަ ހުށަހަޅަން ވަކި މުއްދަތެއް ކަނޑައެޅިފައި އޮވެމެ، އެ މުއްދަތު ފަހަނައަޅާ ދިޔަފަހުން ޓްރައިބިއުނަލްއަށް މައްސަލަ ހުށަހެޅުމުން އެ މުއްދަތު ފަހަނައަޅާ ގޮއްސި ކަމަށް ޓްރައިބިއުނަލްއިން ކަނޑައަޅައި މައްސަލަ ނުބެލޭނެކަމަށް ނިންމާފައިވުން؛ އަދި ދެވަނަ ކަމަކީ، ބޭންކުން އެކުލަވާލައިފައި އޮތް ގްރީވަންސް ޕްރޮސީޖަރގައި ވަޒީފާއިން ވަކިކުރާ ހާލަތުގައި އިސްތިއުނާފު ނުކުރެވޭނެކަމަށް އިސްތިސްނާކޮށްފައި ނުވާކަމާއި، ވަޒީފާއިން ވަކިކުރެވޭ މައްސަލަތައް ހިމެނޭހެން ހުރިހާ ބާވަތެއްގެ މައްސަލަތައްވެސް ބޭންކުގައި އިސްތިއުނާފު ކުރެވޭ ގޮތަށް ބަޔާންކޮށްފައި އޮތުމުން ވަޒީފާ އަދާކުރާ ފަރާތަށް އޭގެ ބެނެފިޓް ލިބެންޖެހޭކަން.
ސުޕްރީމް ކޯޓަށް ހުށަހެޅުނު ފުރަތަމަ އިސްތިއުނާފީ ނުކުތާއާމެދު އަހުރެން ދެކޭގޮތް
އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކުރި ފުރަތަމަ އިސްތިއުނާފީ ނުކުތާއަށް ރިޢާޔަތްކުރާއިރު، މި މައްސަލައިގައި ހައިކޯޓުގެ ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓުގައިވާ ލިޔުންތަކުގެ ތެރޭގައި އިސްތިއުނާފު ރައްދުވާ ފަރާތް ބޭންކުގެ ވަޒީފާއިން ވަކިކުރިކަން އެންގި ލިޔުމާއި ވަޒީފާއިން ވަކިކުރިކަން އެންގިއެންގުން އެޕީލްކުރުމުން ބޭންކުން އެ އެޕީލްއާ ގުޅޭގޮތުން ނިންމިނިންމުން ހިމަނާފައިވެއެވެ. އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކުރިކަން އެންގި ލިޔުމުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ވި އިހުމާލަކީ "ސީރިއަސް / ގްރޮސް މިސްކޮންޑެކްޓް" (Serious/Gross misconduct) އެއްގެ ގޮތުގައި ބެލެވޭ "ގްރޮސް ނިގްލެކްޓް އޮފް ޑިއުޓީ" (gross neglect of duty) އެއީ ބޭންކުގެ ޑިސިޕްލިނަރީ އެންޑް ގްރީވަންސް ޕޮރޮސީޖަރގެ 3.1 ވަނަ މާއްދާއާ ޚިލާފު ޢަމަލެއް ކަމަށް ބަޔާންކޮށްފައިވާކަން އެނގެން އޮވެއެވެ.
އާމިނަތު ރަޝީދާ ވަޒީފާއިން ވަކިކުރިކަން އެންގި ލިޔުމާ ގުޅިގެން އެ ނިންމުން އާމިނަތު ރަޝީދާގެ ފަރާތުން 21 އޮގަސްޓް 2019 ގައި ބޭންކްގެ ޑިރެކްޓަރުންގެ ބޯޑުގައި އިސްތިއުނާފު ކޮށްފައިވާކަން 11 ސެޕްޓެންބަރު 2019 ގައި ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ / މެނޭޖިންގ ޑިރެކްޓަރ ޓިމޮތީ ސޯޔަރ ސޮއިކޮށް އާމިނަތު ރާޝީދާއަށް ފޮނުވި ސިޓީއިން އެނގެން އޮވެއެވެ. ހައިކޯޓުގެ ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓުގައި ހިމެނިފައިވާ މި ލިޔުމުގައި ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން އިސްތިއުނާފު ރައްދުވާ ފަރާތް ބުނެވުނު ވަޒީފާއިން ވަކިކުރި ނިންމުން މުރާޖަޢާކޮށް، ވަޒީފާއިން ވަކިކުރުމަށް ނިންމިނިންމުން ބަދަލުކުރެވެން ނެތްކަމަށް އަންގާފައިވެއެވެ.
ބޭންކުގެ ޑިސިޕްލިނަރީ އެންޑް ގްރީވަންސް ޕޮރޮސީޖަރ އާ ގުޅޭގޮތުން އާމިނަތު ރަޝީދާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައިވެސް ވާހަކަ ދައްކާފައިވެއެވެ. އަދި ބޭންކުން އާމިނަތު ރަޝީދާ ވަޒީފާއިން ވަކިކުރަން ނިންމިނިންމުން މުރާޖަޢާކޮށް އެ ނިންމުމަށް ބަދަލު ނުގެނައުމަށް 11 ސެޕްޓެންބަރު 2019 ގައި ނިންމިކަން އެނގެން އޮވެއެވެ.ވަޒީފާއިން ވަކިކުރުމާ ގުޅިގެން ޓްރައިބިއުނަލްއަށް ޝަކުވާ ހުށަހަޅަން ޖެހޭ މުއްދަތު ވަޒީފާއާބެހޭ ޤާނޫނުގެ 28 ވަނަ މާއްދާގެ (ހ) ގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވެއެވެ. އެހެން ނަމަވެސް، މި މައްސަލައިގައި ކޯޓުގެ ކުރިމަތީގައި އޮތް ސުވާލަކީ، ވަޒީފާ ދޭ ފަރާތުން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް މުވައްޒަފު ވަޒީފާއިން ވަކިކުރި ނިންމުން ނުވަތަ އެންގުން އަލުން ބަލަން ވަޒީފާދޭ ފަރާތުގައި އެދުމުގެ ފުރުސަތު ވަޒީފާ ދޭފަރާތުން އެމްޕްލޯއިމަންޓް ކޮންޓްރެކްޓްގެ ދަށުން ފަހިކޮށްދީފައި އޮތް އޮތުމުގެ ބޭނުން ހިފައި މުވައްޒަފު އެ ނިންމުން އަލުން ބަލައިދިނުމަށް އެދިފައިވާ ހާލަތުގައި ވަޒީފާއާބެހޭ ޤާނޫނުގެ 28 ވަނަ މާއްދާގެ (ހ) ގައި ބުނާ 3 (ތިނެއް) މަސްދުވަހުގެ މުއްދަތު ގުނަންފަށާނީ ވަޒީފާއިން ވަކިކުރިކަން ފުރަތަމަ އެންގި ދުވަހުންތޯ ނުވަތަ ބޭންކުގެ ޑިސިޕްލިނަރީ އެންޑް ގްރީވަންސް ޕޮރޮސީޖަރގެ ދަށުން ވަޒީފާއަދާކުރާ ފަރާތުން ބޭންކުގައި ކުރި އިސްތިއުނާފު ބޭންކުން ބަލައި ނިންމާ ދުވަހުން ފެށިގެންތޯއެވެ؟
ބޭންކުގެ ޑިސިޕްލިނަރީ އެންޑް ގްރީވަންސް ޕްރޮސީޖަރގެ 3.1 އާ އިސްތިއުނާފު ރައްދުވާ ފަރާތުން ޚިލާފުވެފައިވާކަމަށް ނިންމައި، އިސްތިއުނާފު ރައްދުވާ ފަރާތުން ވަޒީފާއިން ވަކިކޮށް، އަދި އެ ނިންމުން އިސްތިއުނާފު ކުރުމުން، އެ ނިންމުން މުރާޖަޢާކޮށް ނިންމިނިންމުން ނިންމިއިރު، ވަޒީފާއާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާގެ (ނ) ގައި ބަޔާންވެފައިވާ ވަޒީފާގެ ބަޔާން ހިމެނޭ ލިޔުމުގައި، ހިމަނަންޖެހޭ ކަންކަމުގެ 10 ވަނަ ނަންބަރުގައި "މުވައްޒަފުގެ އަޚްލާޤާ ގުޅޭގޮތުން އޭނާއާމެދު ފިޔަވަޅު އެޅިދާނެ އުސޫލުތައް" ހިމަނާފައިވެއެވެ. އެހެންނަމަވެސް 22 ސެޕްޓެންބަރު 2020 ގައި ގެޒެޓް ކުރެވިފައިވާ ވަޒީފާއާބެހޭ ޤާނޫނުގެ 6 ވަނަ އިސްލާހުން ބުނެވުނު މާއްދާގެ (ނ) ގެ 10 ވަނަ ނަންބަރު އުނިކުރެވިފައި ވެއެވެ.
މި މައްސަލައިގައި އުފެދޭ ސުވާލަކީ، މުވައްޒަފު ވަޒީފާއިން ވަކިކުރަން ނިންމިނިންމުން އަލުން ބަލައިދިނުމަށް އެދުމަށްފަހު، ވަޒީފާދޭ ފަރާތުން ނިންމާނިންމުންތަކަށް ވަޒީފާއާ ބެހޭ ޤާނޫނުގެ އިސްވެ ބަޔާންކުރެވުނު 28 ވަނަ މާއްދާގެ (ހ) ގައި ބުނާ މުއްދަތު ހިނގާނޭ ހެއްޔެވެ؟ މި މައްސަލައިގައި އާމިނަތު ރަޝީދާ ވަޒީފާއިން ވަކިކުރިކަން އެންގި ލިޔުމުގައި އާމިނަތު ރަޝީދާގެ އިހުމާލަކީ "ސީރިއަސް / ގްރޮސް މިސްކޮންޑެކްޓް (Serious/Gross misconduct) އެއްގެގޮތުގައި ބެލެވޭ "ގްރޮސް ނެގްލެކްޓް އޮފް ޑިއުޓީ (gross neglect of duty) ކަމަށާއި އެއީ ބޭންކުގެ ޑިސިޕްލިނަރީ އެންޑް ގްރީވަންސް ޕޮރޮސީޖަރގެ 3.1 ވަނަ މާއްދާއާ ޚިލާފު ޢަމަލެއް ކަމަށް ބުނެފައިވާކަން އެނގެން އޮވެއެވެ. އަދި އެ ޢަމަލުގެ ސަބަބުން ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން 25 ޖޫން 2019 އިންފެށިގެން އޭނާ ވަޒީފާއިން ވަކިކުރެވިފައިވާކަން އަންގާފައިވާކަން އެނގެން އޮވެއެވެ.
ބޭންކްގެ ބުނެވިދިޔަ ނިންމުން މުރާޖަޢާކުރުމަށް އާމިނަތު ރަޝީދާގެ ފަރާތުން 21 އޮގަސްޓް 2019 ގައި ފޮނުވި އީމެއިލްގެ ޖަވާބުގައި 11 ސެޕްޓެންބަރު 2019 ގައި ބޭންކުން އާމިނަތު ރަޝީދާއަށް ފޮނުވި ލިޔުމުގައި ބޯޑުން އެ ނިންމުން ރިވިއުކޮށް އެ ނިންމުމަށް ބަދަލު ގެނެވެން ނެތްކަން އަންގާފައިވާކަން މި މައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކުން އެނގެއެވެ.
މި މައްސަލައިގައި އާމިނަތު ރަޝީދާ ވަޒީފާއިން ވަކިކުރަން ނިންމި ނިންމުން އަލުން ބެލުމަށް ބޭންކުގެ ބޯޑުން ނިންމުމަށްފަހު، އެ ނިންމުން އަލުން ބަލައި ބޯޑުން ނިންމިގޮތް އާމިނަތު ރަޝީދާއަށް ނާންގާހާ ހިނދަކު، އެފަދަ ޝަކުވާއެއް ޓްރައިބިއުނަލްއަށް ހުށަހެޅުމުގެ މަސްލަޙަތެއް އާމިނަތު ރަޝީދާގެ ނުއޮންނާނެއެވެ. ސަބަބަކީ، ވަޒީފާއިން ވަކިކުރަން ނިންމި ނިންމުން ބޯޑުން މުރާޖަޢާކުރުމަށް ފަހު އާމިނަތު ރަޝީދާ ވަޒީފާއިން ވަކިކުރަން ބޭންކުން ނިންމާފައިވަނީ ރަނގަޅަށް ނޫންކަމަށް ކަނޑައެޅުމުގެ އިޙުތިމާލުވެސް އޮތަތީއެވެ.
ވަޒީފާ އަދާކުރި މީހާއަށް ނޯޓިސް ލިބުނު ތާރީޚުން ފެށިގެން ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމަށް މި މާއްދާ ހުރަސް ނާޅާކަމަށް ވަޒީފާއާބެހޭ ޤާނޫނުގެ 28 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން، ވަޒީފާ އަދާކުރި ފަރާތަށް ނޯޓިސް ލިބުނު ތާރީޚުކަމަށް މި މައްސަލައިގައި ހަވާލާދޭ ޙާލަތުގައި ބެލެވޭނީ، ބޭންކުގެ ބޯޑުން އެ ނިންމުން މުރާޖަޢާކޮށް ނިންމައި އެކަން އާމިނަތު ރަޝީދާއަށް އެންގި ތާރީޚުން ފެށިގެންކަމުގައި އަހުރެން ދެކެމެވެ. އެހެންކަމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމަށް ޤާނޫނުގައި ބަޔާންކޮށްފައިވާ 3 (ތިނެއް) މަސްދުވަހުގެ މުއްދަތު ގުނަން ފަށަންޖެހޭނީ، އޭނާ ވަޒީފާއިން ވަކިކުރި ނިންމުން މުރާޖަޢާކޮށް ނިންމި ތާރީޚު ކަމުގައިވާ 11 ސެޕްޓެންބަރު 2019 އިން ފެށިގެންކަމަށް ކަނޑައަޅައި ހައިކޯޓުން ނިންމިނިންމުމުގައި ވަޒީފާއާބެހޭ ޤާނޫނުގެ 28 ވަނަ މާއްދާގެ (ހ) މާނަކޮށްފައި ވަނީ ރަނގަޅަށް ކަމަށް އަހުރެން ދެކެމެވެ.
ސުޕްރީމް ކޯޓަށް ހުށަހެޅުނު ދެވަނަ އިސްތިއުނާފީ ނުކުތާއާމެދު އަހުރެން ދެކޭގޮތް
މި ނުކުތާއާ ގުޅިގެން ދެފަރާތުން ދެއްކި ވާހަކަތަކަށް ރިޢާޔަތްކުރާއިރު، ހައިކޯޓުގެ އިސްމާޢީލް ޙިލްމީ ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް ޤަޟިއްޔާގެ މައިގަނޑު ބަހުސަކީ، ވަޒީފާއާމެދު އުފެދުނު ޚިލާފެއް ނުވަތަ ޝަކުވާއެއް ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅަން އޮތް 3 (ތިނެއް) މަސް ދުވަހުގެ މުއްދަތު ފާއިތުވި ފަހުން ހުށަހެޅުމުން އެ މައްސަލަ އެ ޓްރައިބިއުނަލުން ބަލައި ނުގަތުމެވެ. އެ މައްސަލަ ބަލައި ނުގަންނަން ނިންމާފައިވަނީ، އެ މުވައްޒަފު ވަޒީފާ އަދާކުރަމުން ދިޔަ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އެންމެ އިސްވެރިޔާއަށް ސިޓީ ނުވަތަ ޝަކުވާ "ހުށަހަޅަން ފަށާފައިވާ ތާރީޚަކީ" ވަޒީފާގެ ޚިލާފު އުފެދުނު ތާރީޚު ކަމަށް ބަލައި، މުއްދަތުގައި ޝަކުވާ ހުށަހަޅާފައިނުވާތީކަން އެނގެންއޮވެއެވެ. ހައިކޯޓުގެ އިސްމާޢީލް ޙިލްމީ ޤަޟިއްޔާ ގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމިނިންމުމަށް ބަދަލުގެނައުމަށް ހައިކޯޓުން ނިންމިނިންމުމަށް ވާސިލުވަމުން އެ ކޯޓުން ބުނެފައިވަނީ،
"މުވައްޒަފަކު ވަޒީފާއާމެދު އުފެދިފައިވާ މައްސަލައަކާ ގުޅިގެން އެ އިދާރާއެއްގެ އެންމެ އިސްވެރިޔާއަށް ސިޓީ ނުވަތަ ޝަކުވާ ހުށަހަޅަން ފަށާފައިވާ ތާރީޚަކީ، ވަޒީފާގައި ޚިލާފު އުފެދުނު ތާރީޚު ކަމަށް ހުރިހާ ޙާލަތެއްގައި ބަލަން ވެއްޖެނަމަ، އެއިދާރާއެއްގެ ވެރިންގެ ފަރާތުން މުވައްޒަފުންގެ ޙައްޤުތައް ލިބުމުގައި ޤާނޫނީ ހުރަސްތަކެއް ކުރިމަތިވެދާނެކަން" ފާހަގަކުރެވޭ ކަމަށެވެ.
ބުނެވުނު ހައިކޯޓުގެ އިސްމާޢީލް ޙިލްމީ ޤަޟިއްޔާ އަކީ އެއްވެސް ގޮތަކުން ވަޒީފާއިން ވަކިކުރުމުގެ މައްސަލައެއްކަމަށް ނުވާތީ، އާމިނަތު ރަޝީދާ ވަޒީފާއިން ވަކިކުރުމުގެ މައްޗަށް އިސްމާޢީލް ޙިލްމީ ޤަޟިއްޔާގައި ބުނެވުނު އުސޫލު ތަޠުބީޤު ނުކުރެވޭނެކަމަށް ބޭންކުން ފާހަގަކުރާއިރު، މި ދެ ޤަޟިއްޔާގެ މައުޟޫޢަކީވެސް ޤާނޫނުގައި ބުނެފައިވާ މުއްދަތުގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަނޭޅުމުން މައްސަލަ ބަލައި ނުގަތުމަށް ނިންމިމިންމުންކަން އެނގެން އޮވެއެވެ. އިސްމާޢީލް ޙިލްމީ މައްސަލައިގައި އިސްމާޢީލް ޙިލްމީގެ ފަރާތުން ފޮނުވި ސިޓީތަކުގެ ތެރެއިން ޖަވާބުދީފައިވަނީ 14 މޭ 2014 ގެ ސީޓީއަށް އެކަނިކަމާއި އެ ސިޓީއަށް ޖަވާބު ދީފައިވާ ތާރީޚަކީ 16 ޖުލައި 2014 ކަން އެނގެން އޮވެއެވެ. އަދި އެ މައްސަލަ އިސްމާޢީލް ޙިލްމީގެ ފަރާތުން ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވަނީ 07 ސެޕްޓެންބަރު 2014 ގައި، ޖަވާބު ލިބުނުތާ 52 (ފަންސާސް ދޭއް) ދުވަހުގެ ތެރޭގައި ކަން އެނގެއެވެ. އާމިނަތު ރަޝީދާގެ މައްސަލައާއި މި މައްސަލައިގައި ހުރި ހަމައެކަނި ތަފާތަކީ އާމިނަތު ރަޝީދާއާމެދު ވަޒީފާދިން ފަރާތުން އެޅި ފިޔަވަޅަކީ ވަޒީފާއިން ވަކިކުރުންކަމެވެ. އިސްމާޢީލް ޙިލްމީގެ ޝަކުވާ ބިނާވެފައިވަނީ، އޭނާއަށް ވަޒީފާގެ ކުރިއެރުން ނުދިނުމުގެ މައްޗަށެވެ. އަދި އާމިނަތު ރަޝީދާ ވަޒީފާއިން ވަކިކުރުމަށް ބޭންކުން ނިންމާފައިވާ ނިންމުން އާމިނަތު ރަޝީދާގެ ފަރާތުން ޓްރައިބިއުނަލަށް ހުށަހެޅުމުގެ މަޞްލަޙަތު ވުޖޫދުވާނީ އެ ނިންމުން މުރާޖަޢާކޮށްދިނުމަށް އެދި އާމިނަތު ރަޝީދާގެ ފަރާތުން ބޭންކުގެ ބޯޑަށް ހުށަހެޅި ހުށަހެޅުން އެ ބޯޑުން ބެލުމަށް ފަހު ބޯޑުން ނިންމިގޮތް އާމިނަތު ރަޝީދާއަށް ލިބުމަށް ފަހުއެވެ.
ކުރިންވެސް ބުނެވުނު ފަދައިން، އާމިނަތު ރަޝީދާ ވަޒީފާއިން ވަކިކުރުމަށް ނިންމިނިންމުން އޭނާ ވަޒީފާ އަދާކުރި ބޭންކް އޮފް މޯލްޑިވްސްގައި އިސްތިއުނާފު ކުރުމުގެ ޙައްޤަކީ، ބޭންކުގެ އުސޫލުތަކާއެއްގޮތަށް ހަމަޖެހިފައިވާ ޤާނޫނީ އުސޫލުތަކުގެ ތަރަހައިގެ ތެރެއިން އޭނާއަށް ލިބިދީފައިވާ ޙައްޤެއްކަން އެނގެން އޮންނައިރު އެ ޙައްޤުގެ ބޭނުން އޭނާ ހިފާފައިވަނީ ބޭންކުން ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް ކަން އެނގެން އޮންނާތީ، އޭގެ މަންފާ އާމިނަތު ރަޝީދާއަށް ލިބިދެވެންޖެހޭނެކަމަށް އަހުރެން ދެކެމެވެ.
އެހެންކަމުން، ހައިކޯޓުގެ އިސްމާޢީލް ޙިލްމީ ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ނިންމުމަށް ރިޢާޔަތްކުރާއިރު، އާމިނަތު ރަޝީދާ ވަޒީފާއިން ވަކިކުރި މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމަށް ޤާނޫނުގައި ބަޔާންކޮށްފައިވާ 3 (ތިނެއް) މަސްދުވަހުގެ މުއްދަތު ގުނަން ފަށަންޖެހޭނީ، އޭނާ ވަޒީފާއިން ވަކިކުރި ނިންމުން މުރާޖަޢާކުރުމަށް ފަހު ބޯޑުން ނިންމި ތާރީޚު ކަމުގައިވާ 11 ސެޕްޓެންބަރު 2019 އިން ފެށިގެންކަމަށް ހައިކޯޓުން ނިންމިނިންމުމަށް އަހުރެން ތާއީދު ކުރަމެވެ.
ނިންމަންފެންނަ ގޮތް
މަތީގައި ފާހަގަ ކުރި ސަބަބުތައް އެގޮތަށް ހުރުމުން، ހައިކޯޓުން ކޮށްފައިވާ ޙުކުމަށް ބަދަލުގެންނަން ޖެހޭ ފަދަ ޤާނޫނީ ސަބަބެއް ނެތްކަމަށް ނިންމަން އަހުރެންނަށް ފެނެއެވެ.
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު
މި މައްސަލައިގައި އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު
މި މައްސަލައިގައި އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/653 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލުގެންނަންޖެހޭ ފަދަ ސަބަބެއް ނެތްކަމަށް، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައިފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
އަޒްމިރާލްދާ ޒާހިރުއަޙްމަދު މުޢުތަޞިމް ޢަދުނާންޙުސްނުއްސުޢޫދު(ރިޔާސަތު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.