އަޙްމަދު މުޙައްމަދު ވ. މުޙައްމަދު ޢަބްދުﷲ
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
އަޙްމަދު މުޙައްމަދު ވ. މުޙައްމަދު ޢަބްދުﷲ
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު ޙުސްނުއްސުޢޫދު ތާއީދު ކުރައްވާފައި)
ތަޢާރުފު
މިއީ މާލެ، އަޙްމަދު މުޙައްމަދު އާއި ސ. ހިތަދޫ، ލިލީމާގެ، މުޙައްމަދު ޢަބްދުﷲ އާ ދެމެދު ވެވުނު ޢިމާރާތްކުރުމާއި ކުއްޔަށްދިނުމުގެ އެއްބަސްވުމާއި ގުޅިގެން ދެފަރާތް ދެމެދު އުފެދުނު ޚުޞޫމާތަކާ ގުޅިގެން ހުށަހެޅުނު މައްސަލައެކެވެ.
އަޙްމަދު މުޙައްމަދު އާއި މުޙައްމަދު ޢަބްދުﷲ އާ ދެމެދު 24 މެއި 2012 ގައި "ޢިމާރާތްކުރުމާއި، ޢިމާރާތް ކުއްޔަށް ހިފުމުގެ އެގްރިމަންޓް" އެއް ކުރެވި މި އެއްބަސްވުން ސިވިލް ކޯޓުގައި ރަޖިސްޓްރީކުރިއެވެ. އެއްބަސްވުމުގެ މުއްދަތަކީ 06 ޖޫން 2012 އިން 05 ޖޫން 2047 ގެ ނިޔަލަށެވެ. މި އެއްބަސްވުން ވެވުނީ ހ. ފެއަރީއެވެ ކިޔާ ގޯތީގައި 06 ޖޫން 2012 އިން ފެށިގެން 18 (އަށާރަ) މަސް ދުވަހުގެ ތެރޭގައި 07 (ހަތެއް) ފްލޯރގެ ޢިމާރާތެއް ކުރުމަށްފަހު، ޢިމާރާތުގެ 02 (ދޭއް) ފްލޯރ އާއި ޓެރަސް މި މުއްދަތުގައި އަޙްމަދު މުޙައްމަދު އާ ޙަވާލުކުރުމަށެވެ. އޭގެ މުޤާބިލެއްގައި ދިގު މުއްދަތަށް ދެން ހުރި ފްލޯރތައް ބޭނުން ކުރުމުގެ ޙައްޤު މުޙައްމަދު ޢަބްދުﷲ އަށް ލިބޭގޮތަށެވެ. އެހެންކަމުން، ޢިމާރާތްކޮށް ނިންމާ އަޙްމަދު މުޙައްމަދުއަށް ލިބެންޖެހޭ ފްލޯރތައް ޙަވާލުކުރަންޖެހޭ ތާރީޚަކީ 06 ޑިސެމްބަރު 2013 އެވެ.
އެއްބަސްވުމުގައި ބަޔާންކުރި މުއްދަތަށް ޢިމާރާތްކުރެވިފައިނުވެއެވެ. ނަތީޖާއެއްގެ ގޮތުން، މުޙައްމަދު ޢަބްދުﷲގެ ފަރާތުން އެއްބަސްވުމާ ޚިލާފުވިކަމަށް ބުނެ އެއްބަސްވުން ބާޠިލުކޮށްދިނުމަށް އެދި އަޙްމަދު މުޙައްމަދުގެ ފަރާތުން 2016 ވަނަ އަހަރުގައި ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ. އެ މައްސަލަ ބެލީ ސިވިލް ކޯޓުގެ ނަންބަރު 1187/Cv-C/2016 ގަޒިއްޔާއިންނެވެ.
އެ ގަޒިއްޔާގައި ޙުކުމްކުރީ މި އެއްބަސްވުމާއި މުޙައްމަދު ޢަބްދުﷲ ޚިލާފުވެފައިވާކަމަށެވެ. ސިވިލް ކޯޓުގެ ނަންބަރު 1187/Cv-C/2016 ގަޒިއްޔާ މުޙައްމަދު ޢަބްދުﷲގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. އަދި ހައިކޯޓުގެ ނަންބަރު 2017/HC-A/142 ގަޒިއްޔާގައި ސިވިލް ކޯޓުގެ ޙުކުމް ބާޠިލުކުރިއެވެ.
މިއީ ބުނެވުނު ހައިކޯޓުގެ ނަންބަރު 2017/HC-A/142 ގަޒިއްޔާ އިސްތިއުނާފުކުރުމަށް އަޙްމަދު މުޙައްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، މި ކޯޓުން ބެލި މައްސަލައެވެ.
ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް
ދެފަރާތު ދެމެދުވި "ޢިމާރާތްކުރުމާއި، ޢިމާރާތް ކުއްޔަށް ހިފުމުގެ އެގްރިމަންޓް" އާ މުޙައްމަދު ޢަބްދުﷲގެ ފަރާތުން ޚިލާފުވެފައިވާތީ، އެއްބަސްވުން ބާޠިލުކޮށްދިނުމަށް އެދި އަޙްމަދު މުޙައްމަދުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން، އެ ކޯޓުން އަންނަނިވި ސަބަބުތަކުގެ މައްޗަށް ބުރަވެ، ކަނޑައެޅީ، މުޙައްމަދު ޢަބްދުﷲ އެއްބަސްވުމާ ޚިލާފުވެފައިވާކަމަށެވެ.
މި ދެފަރާތު ވެވުނު އެއްބަސްވުމުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޢިމާރާތް ކުއްޔަށް ހިފުމުގެ މުއްދަތު ގުނަން ފަށާ ތާރީޚުން ފެށިގެން މީލާދީ 18 (އަށާރަ) މަސް ދުވަހުގެ ތެރޭގައި މުޙައްމަދު ޢަބްދުﷲގެ ފަރާތުން ޢިމާރާތްކޮށް ނިންމާފައިނުވާކަމަށް އަޙްމަދު މުޙައްމަދުގެ ފަރާތުން ބުނާއިރު، ޢިމާރާތްކޮށް ނިމިފައިނުވާކަން މުޙައްމަދު ޢަބްދުﷲގެ ޢިއުތިރާފުން އެނގެން އޮންނަކަން.
6.2 06 ޖޫން 2012 އިން ފެށިގެން 18 (އަށާރަ) މަސް ދުވަހުގެ މުއްދަތު 2015 ވަނަ އަހަރުގެ ކުރިން ހަމަވެފައިވާތީއާއި، 2015 ވަނަ އަހަރު ކޮންސްޓްރަކްޝަން ދާއިރާއަށް ކުރިމަތިވިކަމަށް ބުނާ ޙާލަތު ކުރިމަތިވިކަން ސާބިތުކޮށްދިނުމުގެ ގޮތުން އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާތީ، ޢިމާރާތްކޮށް ނިމިފައިނުވަނީ 2015 ވަނަ އަހަރު ޢިމާރާތްކުރުމަށްޓަކައި ބޭނުންކުރާ ހިލައާއި ހިލަވެއްޔާއި މިނޫންވެސް ތަކެތި ނުލިބި ކޮންސްޓްރަކްޝަން ހުއްޓުމަކަށް އައިސް ޤައުމީ މައްސަލައެއް ކުރިމަތިވެގެންކަމަށް ބުނާ ބުނުމަށް ބުރަދަންދެވެން ނެތްކަން.
6.3 އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން 06 ޖޫން 2012 އިން ފެށިގެން 18 (އަށާރަ) މަސް ދުވަހުގެ ތެރޭގައި މުޙައްމަދު ޢަބްދުﷲއަށް ޢިމާރާތް ނިންމިފައިނުވާކަން އެފަރާތުގެ ބަހުން އެނގެން އޮތުމުންނާއި، އަދި 30 މެއި 2016 ގައި މި މައްސަލަ ޝަރީޢަތަށް ހުށަހެޅިފައިވާއިރު، 19 ޑިސެންބަރު 2016 ގެ ނިޔަލަށްވެސް ޢިމާރާތްކޮށް ނިމިފައިނުވާކަން "ޝަރުޢީ އަގުކޮމެޓީގެ ރިޕޯޓު" (19 ޑިސެންބަރު 2016) އިން އެނގެން އޮތުމުން، މުޙައްމަދު ޢަބްދުﷲގެ ފަރާތުން އަދާނުކުރި ޒިންމާއަކީ އެ ސަބަބަށްޓަކައި އެއްބަސްވުން ބާޠިލުކުރަންޖެހޭފަދަ ޒިންމާއެއްކަން ޢަދާލަތުގެ ހަމަތަކުގެ މަތިން އެނގެން އޮތުން.
6.4 މި މައްސަލައިގައި ހުށަހެޅުނު ބޭންކް ޓްރާންސްފަރ ރިސިޕްޓްތަކުން އެނގެން އޮތީ ހަމައެކަނި 2016 ގެ ޖެނުއަރީ މަހުން ފެށިގެން 2016 ގެ އޯގަސްޓް މަހުގެ ނިޔަލަށް ޓްރާންސްފަރ ކޮށްފައިވާ ފައިސާކަމާއި، އަދި މި މައްސަލައިގައި ހުށަހެޅުނު ހެއްކެއްކަމުގައިވާ، ސ. ހިތަދޫ، ފެހިވިލާގެ އަޙްމަދު މުޙައްމަދުދިދީގެ ހެކިބަހުން އެނގެން އޮތީ ފައިސާ ދޭންފެށީ 2015 އިން ފެށިގެންކަމާއި، މިއީ މުޅި އެއްބަސްވުމުގެ މައިގަނޑު މަޤުސަދާ މުޙައްމަދު ޢަބްދުﷲ ޚިލާފުވެފައިވާ ޚިލާފުވުން ނަފީކޮށްދޭފަދަ ހެކިކަމަށް ޝަރީޢަތަށް ބަލައިގަނެވެން ނެތްކަން.
6.5 ހ. ފެއަރީ އެވެ ކިޔާ 700 އަކަފޫޓުގެ ބަންޑާރަ ގޯތީގައި މުޙައްމަދު ޢަބްދުﷲގެ ފަރާތުން ކޮށްފައިވާ ޢިމާރާތުގެ ޝަރުޢީ އަގުކުރެވުނުއިރު، އެ ގޯތީގައި ކޮށްފައިވާ މަސައްކަތުގެ އަގަކީ 2,765,917/62ރ. (ދެމިލިއަން ހަތްލައްކަ ފަސްދޮޅަސް ފަސްހާސް ނުވަސަތޭކަ ސަތާރަ ރުފިޔާ ފަސްދޮޅަސް ދެލާރި) ކަން "ޝަރުޢީ އަގުކޮމެޓީގެ ރިޕޯޓް" (19 ޑިސެންބަރު 2016) އަށް ބެލުމުން އެނގެން އޮންނާތީ، ބުނެވުނު ފައިސާއަކީ އެއްބަސްވުން ރޫޅާލެވޭހިނދު އަޙްމަދު މުޙައްމަދުގެ ފަރާތުން މުޙައްމަދު ޢަބްދުﷲއަށް ލިބެންޖެހޭ ފައިސާކަން.
މި ސަބަބުތަކުގެ މައްޗަށް ބުރަވެ، ސިވިލް ކޯޓުން ޙުކުމްކުރީ މިދެފަރާތު ވެވުނު އެއްބަސްވުމާ މުޙައްމަދު ޢަބްދުﷲ ޚިލާފުވެފައިވާކަން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި، މި އެއްބަސްވުން ބާޠިލުކޮށް، ޢިމާރާތްކުރުމަށް މުޙައްމަދު ޢަބްދުﷲ ކޮށްފައިވާ އަގު ނަގައިދިނުމަށެވެ.
ހައިކޯޓުން މައްސަލަ ނިންމިގޮތް
ސިވިލް ކޯޓުގެ ނަންބަރު 1187/Cv-C/2016 ގަޒިއްޔާ މުޙައްމަދު ޢަބްދުﷲގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. އަދި ހައިކޯޓުގެ ނަންބަރު 2017/HC-A/142 ގަޒިއްޔާގައި ޙުކުމްކޮށްފައިވަނީ ސިވިލް ކޯޓުން އެއްބަސްވުން ބާޠިލުވެފައިވާކަމަށް ކަނޑައަޅާފައިވަނީ އެއްބަސްވުން ބާޠިލުކުރުމަށް އެއްބަސްވުން ހުއްދަކުރާފަދަ ޙާލަތެއްގައިނޫންކަމަށެވެ. ހައިކޯޓުން މި ނިންމުމަށް ވާސިލުވީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބުރަވެއެވެ.
މުޙައްމަދު ޢަބްދުﷲގެ ބަހުންނާއި އެފަރާތުގެ ހެކިންގެ ހެކިބަހުންވެސް މި މައްސަލަ ހައްލުކުރެވޭތޯ ދެފަރާތުގެ ދެމެދުގައި މަޝްވަރާކުރެވިފައިވާކަން އެނގޭކަމަށާއި، އަދި މައްސަލަ ކޯޓަށް ހުށަހެޅި ޑިސްޕިއުޓް ރިޒޮލިއުޝަންގައި ސުލްޙަވެރިކަމާއެކު މައްސަލަ ޙައްލުކުރުމަށް ފުރުސަތު ލިބުމުން މިއީ ޝަރީޢަތުން ގޮތެއް ނިންމަންޖެހޭ ފަދަ މައްސަލައެއްކަމަށް ދެފަރާތުން ބުނެ ޝަރީޢަތަށް ތަހުވީލުކުރެވިފައިވުމުން، މި މައްސަލައިގައި އެއްބަސްވުމުގެ 36 ވަނަ މާއްދާގެ ދަށުން ފުރިހަމަކުރަންޖެހޭ އިޖުރާއަތު ފުރިހަމަވެފައިވާކަމުގައި ބަލަންޖެހޭކަން.
ސިވިލް ކޯޓުގެ ރިޕޯޓަށް ބަލާއިރު، މި މައްސަލައިގައިވާ އެއްބަސްވުން ސިވިލް ކޯޓުން ބާޠިލުކޮށްފައިވަނީ މައިގަނޑު އެއް އަސާސްގެ މައްޗަށް ބިނާކޮށްކަމަށާއި، އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން 06 ޖޫން 2012 އިން ފެށިގެން 18 (އަށާރަ) މަސް ދުވަހުގެ ތެރޭގައި މުޙައްމަދު ޢަބްދުﷲއަށް ޢިމާރާތްކޮށް ނިންމިފައިނުވާކަން އެފަރާތުގެ ބަހުން އެނގެން އޮތުމާއި، 30 މެއި 2016 ގައި މި މައްސަލަ ޝަރީޢަތަށް ހުށަހެޅުމާއެކު 19 ޑިސެންބަރު 2016 ގެ ނިޔަލަށްވެސް ޢިމާރާތްކޮށް ނިމިފައިނުވާކަން "ޝަރުޢީ އަގުކޮމެޓީގެ ރިޕޯޓު" އިން އެނގެން އޮތުމުން މުޙައްމަދު ޢަބްދުﷲގެ ފަރާތުން އަދާނުކުރި ޒިންމާއަކީ އެ ސަބަބަށްޓަކައި އެއްބަސްވުން ބާޠިލުކުރަންޖެހޭ ފަދަ ޒިންމާއެއްކަމަށް ބަޔާންކޮށްފައިވާއިރު، މި މައްސަލައިގައި ދެފަރާތު ދެމެދު ވެފައިވާ އެއްބަސްވުމުގައި ކަނޑައެޅިފައިވާ މުއްދަތަށް ތަން ނުނިމިއްޖެނަމަ ޢަމަލުކުރާނެގޮތް ދެފަރާތުން ތަސައްވުރުކޮށް އެއްބަސްވުމުގައި މާއްދާއެއް ހިމެނިފައިވާކަމާއި، އެގޮތުން އެއްބަސްވުމުގެ 5 ވަނަ މާއްދާގައި ވަނީ މިހާލަތުގައި ތަން ޙަވާލުކުރެވެންދެން މުޙައްމަދު ޢަބްދުﷲގެ ފަރާތުން 5,000/-ރ. (ފަސްހާސް ރުފިޔާ) އިތުރަށް ދިނުމަށްކަމަށާއި، އެހެންކަމުން، ތަން ކަނޑައެޅިފައިވާ މުއްދަތަށް ނުނިމުމަކީ އެއްބަސްވުން ބާޠިލުކުރެވޭނެ ހާލަތެއް އުފަންކުރުވާކަމެއް ކަމަށް އެއްބަސްވުން ތަސައްވުރުކޮށްފައިނުވާކަމާއި، ސިވިލް ކޯޓުން އެއްބަސްވުން ބާޠިލުކުރުމަށް ނިންމި އަސާސްކަމުގައިވާ ކަނޑައެޅިފައިވާ މުއްދަތަށް ތަން ނުނިމުމަކީ އެ ސަބަބުގެ މައްޗަށް ބިނާކޮށް އެއްބަސްވުން ބާޠިލުކުރުމަށް އެއްބަސްވުން ތަންދޭކަމެއްކަމުގައި ނުދެކޭކަން.
އެއްބަސްވުން ބާޠިލުކުރެވިފައިވަނީ އެއްބަސްވުމުގެ ތަރަހައިގެ ތެރެއިން ނޫންކަމަށް ބެލެވޭ ހާލަތުގައި، މި މައްސަލައާ ގުޅިގެން އެއްބަސްވުން ބާޠިލުކޮށް ތަން އަގުކުރުމުގައި ޢަމަލުކޮށްފައިވާ އިޖުރާއަތުތަކާ ގުޅޭގޮތުން މުޙައްމަދު ޢަބްދުﷲގެ ފަރާތުން ފާހަގަކޮށްފައިވާ އިސްތިއުނާފީ ނުކުތާތަކާމެދު މި ހިނދުގައި ގޮތެއް ކަނޑައަޅަން ނުޖެހޭކަން.
މި ސަބަބުތަކުގެ މައްޗަށް ބުރަވެ، ހައިކޯޓުން މައްސަލަ ނިންމާފައިވަނީ ދެފަރާތު ދެމެދު ވެފައިވާ އެއްބަސްވުން ބާޠިލުކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވަނީ ރަނގަޅަށްނޫންކަމަށެވެ.
ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވުނު ނުކުތާތައް
ހައިކޯޓުގެ ނަންބަރު 2017/HC-A/142 ގަޒިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޤާނޫނީގޮތުން ރަނގަޅަން ނޫންކަމަށް ބުނެ އެ ގަޒިއްޔާ އިސްތިއުނާފުކުރުމަށް އެދި އަޙްމަދު މުޙައްމަދުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ. އަދި ސުޕްރީމް ކޯޓުގައި މައިގަނޑު 5 (ފަހެއް) ސަބަބެއް ހުށަހަޅައި ވާހަކަ ދައްކާފައިވެއެވެ. އެއީ؛
ހައިކޯޓުގެ ނަންބަރު 2017/HC-A/142 ގަޒިއްޔާ ނިންމުމުގައި އެކަށީގެންވާ ވަރަށް ނުބަލައި، މައްސަލައިގައި ހިމެނޭ ޚަޞްމުން އޮޅި، ޚަޞްމުންގެ ފަރާތުން ދައްކާފައިވާ ވާހަކަތައް އޮޅި، މައްސަލައިގެ ވާގިއާތައް އޮޅިފައިވާކަން ފެންނަން އޮތުމުން ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) ގައި ބުނާ އިންސާފުން ޝަރީޢަތް ކުރެވުމުގެ ޙައްޤާއި އަދި 42 ވަނަ މާއްދާގެ (ށ) ގައި ބުނާ ޢަދުލުވެރިކަމާއެކު ޝަރީޢަތްކުރެވުމުގެ ޙައްޤުން އަޙްމަދު މުޙައްމަދު މަޙްރޫމްކޮށް މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ؛
ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 12 ވަނަ މާއްދާއާއި ހައިކޯޓު ގަވާއިދުގެ 57 ވަނަ މާއްދާއާ ޚިލާފަށް ހައިކޯޓުން ޙުކުމްކުރުމަށްފަހު ޙުކުމަށް ބަދަލު ގެނެސްފައިވުމާއި އަދި ޙުކުމަށް ބަދަލު ގެނެސްފައިވާ އިޖުރާއަތު ގޯސްކަމަށް ބުނެ ހުށަހެޅި ނުކުތާ؛
"ޝަރީޢަތުގެ މަޖިލިހުގައި ބަދަލު ޤަބޫލުކުރުމާއި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ޝަރީޢަތުގެ މަޖިލިހަށް ހާޒިރުވުމުގެ ޤަވާޢިދު" ގެ 5 ވަނަ މާއްދާއާ ޚިލާފަށް މުޙައްމަދު ޢަބްދުﷲގެ ބަދަލުގައި ހައިކޯޓަށް ހާޒިރުވިފަރާތުން ބަޔާނުގައި ސޮއިނުކޮށް ހައިކޯޓުގެ ލީގަލް އޮފިސަރ އެ ބަޔާނުގައި ސޮއިކޮށްފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ؛
ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާއާ ޚިލާފަށް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް ނުވަތަ ޤާނޫނަށް ނުވަތަ އިސްލާމީ ޝަރީޢަތުގައި އެކަމެއް ކަނޑައަޅާފައިވާގޮތަށް ނުވަތަ މައްސަލައާ އެއްފަދަ އެހެން މައްސަލަތަކުގައި އެ ކޯޓުން ކުރިން ކޮށްފައިވާ ޙުކުމް ނުވަތަ އެއަށްވުރެ މަތީ ކޯޓަކުން ކޮށްފައިވާ ޙުކުމަށް ފަނޑިޔާރުން ރިޢާޔަތްކުރަންވާނެކަމުގައި ބަޔާންކޮށްފައިވާއިރު، އެފަދަ އެއްވެސް ކަމަކަށް ރިޢާޔަތްކުރުމެއްނެތި ހައިކޯޓުން މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ؛ އަދި
ކޮންޓްރެކްޓެއް ބާޠިލުކުރުމާއި ގުޅޭގޮތުން ޝަރީޢަތުން ބަލަންޖެހޭ އެއްވެސް ކަމަކަށް ޙަވާލާނުދީ އަދި ކޮންޓްރެކްޓެއް ބާޠިލުކުރެވޭ އާންމު އުޞޫލުތަކާ ޚިލާފަށް ހައިކޯޓުން ޙުކުމްކޮށްފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
އަޙްމަދު މުޙައްމަދުގެ ފަރާތުން ހުށަހެޅި 5 އިސްތިއުނާފީ ނުކުތާތަކުގެ ތެރެއިން، ފުރަތަމަ 3 ނުކުތާ ބިނާވަނީ ހައިކޯޓުން އިޖުރާއީ ގޮތުން ޢަމަލުކޮށްފައިވާގޮތަށް ކަމުގައިވާއިރު، "ހައިކޯޓުން ޢަމަލުކޮށްފައިވާ އިޖުރާއަތު" މި ސުރުޚީގެ ދަށުން ތިރީގައިވާ ބައިގައި މި 3 ނުކުތާއަށް ރިއާޔަތްކޮށްފައިވާނެއެވެ. އަޙްމަދު މުޙައްމަދުގެ ފަރާތުން ހުށަހެޅި 4 ވަނަ އާއި 5 ވަނަ އިސްތިއުނާފީ ނުކުތާއާ މެދު އަހުރެންގެ ރައުޔު ބަޔާންކޮށްފައިވާނީ "އެއްބަސްވުން ބާޠިލުކުރަންޖެހޭ ފަދަ ސަބަބެއް މެދުވެރިވެފައިވޭތޯ" މި ސުރުޚީގެ ދަށުންނެވެ.
ހައިކޯޓުން ޢަމަލުކޮށްފައިވާ އިޖުރާއަތު
ހައިކޯޓުން މައްސަލަ ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށްނޫންކަމަށް ބުނެ އަޙްމަދު މުޙައްމަދުގެ ފަރާތުން ފާހަގަކޮށްފައިވާ ފުރަތަމަ ތިން އިސްތިއުނާފީ ނުކުތާއަކީ ހައިކޯޓުން މައްސަލަ ބެލުމުގައި ޢަމަލުކޮށްފައިވާ އިޖުރާއަތު ގޯސްކަމަށް ބުނެ ފާހަގަކުރި ނުކުތާތަކެކެވެ.
(ހ) މައްސަލައިގެ ވާގިއާތައް އޮޅިފައިއޮތުމުން ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގައި ބުނާ ފަދަ ޝަރީޢަތެއް ކުރެވިފައިނުވުން
މި ނުކުތާގެ ތަފްސީލުގައި އަޙްމަދު މުޙައްމަދުގެ ފަރާތުން ފާހަގަކޮށްފައިވަނީ ހައިކޯޓުގެ ނަންބަރު 2017/HC-A/142 ގަޒިއްޔާގައި އަޙްމަދު މުޙައްމަދުގެ ނަމާއި މުޙައްމަދު ޢަބްދުﷲގެ ނަން އޮޅިފައިހުރުމުގެ ސަބަބުން މައްސަލައިގެ ޚަޞްމުން އޮޅި، އެމީހުންގެ ފަރާތުން ދައްކާފައިވާ ވާހަކަތައްވެސް އޮޅިފައިހުރުމުން، މައްސަލައިގެ ވާގިއާތައް ހައިކޯޓަށް އޮޅިފައިހުރިކަމަށް ބެލުމުގެ ފުރުސަތު އޮތްކަމަށެވެ. އެހެންކަމުން، މި މައްސަލައިގައި ހައިކޯޓުން ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގައި ބުނާ އިންސާފުން ޝަރީޢަތްކުރެވިފައިވާކަމާމެދު ސުވާލު އުފެދޭކަމަށެވެ.
މި ނުކުތާއާ ގުޅިގެން އިސްތިއުނާފު ރައްދުވާ މުޙައްމަދު ޢަބްދުﷲގެ ފަރާތުން ބުނެފައިވަނީ ހައިކޯޓުގައި މައްސަލަ ހިނގަމުންދިޔައިރު މައްސަލައިގެ ދެފަރާތަށްވެސް މައްސަލައާ ގުޅިގެން ވާހަކަ ދައްކާނެ ފުރުސަތު ލިބުނުކަމަށާއި، ޝަކުވާއަކަށްވެގެން އުޅެނީ ހައިކޯޓުގެ ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓުގައި ހުރި ލިޔުމުގެ ކުށްތަކެއްކަމަށާއި، އަދި މި މައްސަލައިގައި ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާ ޚިލާފަށް ޝަރީޢަތް ހިންގާފައިވާކަމަށް ބެލެވެންނެތްކަމަށެވެ.
މުޙައްމަދު ޢަބްދުﷲގެ ފަރާތުން ފާހަގަކޮށްފައިވާ ފަދައިން، ހައިކޯޓުގެ ނަންބަރު 2017/HC-A/142 ގަޒިއްޔާގައި އެތައް އަޑުއެހުމެއް ބޭއްވި، މައްސަލައިގެ ދެފަރާތަށްވެސް މައްސަލައާ ގުޅޭ ގޮތުން ވާހަކަ ދައްކާނެ ފުރުސަތު ދީފައިވާކަން ފާހަގަކުރެވެއެވެ. ހަމަ އެފަދައިން، ހައިކޯޓުގެ ނަންބަރު 2017/HC-A/142 ގަޒިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބަލާއިރު، ހައިކޯޓުގައި މައްސަލަ އިސްތިއުނާފުކުރި މުޙައްމަދު ޢަބްދުﷲގެ ފަރާތުން ހުށަހަޅާފައިވާ އެންމެހައި އިސްތިއުނާފީ ނުކުތާތަކަށް މައްސަލަ ބެލި ފަނޑިޔާރުން ޖަވާބުދީފައިވާކަންވެސް ފާހަގަކުރެވެއެވެ. އެ ގަޒިއްޔާގައި 23 މާރޗް 2021 ގައި ޙުކުމްކުރި ފަހުން، 28 މާރޗް 2021 ގައި ޙުކުމަށް އިސްލާހުތަކެއް ގެނެސްފައިވެއެވެ. ނަމަވެސް ގެނެސްފައިވާ އިސްލާހުތަކަކީ އަތުކުށުގެ އިސްލާހުކަމުގައިވާއިރު، އެންމެ ގިނައިން އިސްލާހު ގެނެސްފައިވަނީ އަޙްމަދު މުޙައްމަދުގެ ނަމާއި މުޙައްމަދު ޢަބްދުﷲގެ ނަން އޮޅިފައިވާ ތަންތަނެވެ. މި ކުށްތައް ފިޔަވައި މައްސަލައިގެ މައުލޫއުއަށާއި ވާގިއާތަކަށް އިސްލާހެއް ގެނެސްފައިނުވެއެވެ.
އެހެންކަމުން، ގިނަ ކުށްތަކެއް އިސްލާހުކުރެވުމާ ގުޅިގެން އަޙްމަދު މުޙައްމަދުގެ ފަރާތުން ހައިކޯޓުގެ ޝަރީޢަތް ހިނގައިދިޔައީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާ އެއްގޮތްވާގޮތުގެ މަތިންތޯ ސުވާލު އުފައްދާފައިވީނަމަވެސް، ހައިކޯޓުގައި މި މައްސަލައިގެ ޝަރީޢަތް ހިންގާފައިވަނީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާ ޚިލާފަށްކަމުގައި އަހުރެން ނުދެކެމެވެ. އެއީ، މައްސަލައިގެ ދެފަރާތަށްވެސް މައްސަލައާ ގުޅިގެން އެފަރާތްތަކުގެ ބަސްބުނުމަށް ފުރުސަތު ދެވި، އަދި ހައިކޯޓުން މި މައްސަލައާ މެދު ގޮތެއް ކަނޑައެޅިއިރު، ކޯޓުގެ ކުރިމައްޗަށް ހުށަހެޅުނު އެންމެހައި ނުކުތާތަކަށް ޖަވާބުދެވި، އެ ޖަވާބު ބިނާވާ ސަބަބުތައް ބަޔާންކުރެވިފައިވާތީއެވެ. މައްސަލައިގެ ދެފަރާތުގެ ނަން އޮޅިފައި އޮތުމަކުން ހައިކޯޓުން ކުރި ޙުކުމާއި އެ ޙުކުމަށް ވާސިލުވި ސަބަބުތަކަށް އެއްވެސް ބަދަލެއް އައިސްފައިނުވެއެވެ.
(ށ) ހައިކޯޓުން ޙުކުމަށް ބަދަލު ގެނައުން
ހައިކޯޓުން ޙުކުމަށް ބަދަލު ގެނެސްފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 12 ވަނަ މާއްދާއާއި ހައިކޯޓު ގަވާއިދުގެ 57 ވަނަ މާއްދާއާ ޚިލާފަށްކަމަށް އަޙްމަދު މުޙައްމަދުގެ ފަރާތުން ފާހަގަކޮށްފައިވެއެވެ. ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 12 ވަނަ މާއްދާގައި ބުނަނީ ހައިކޯޓުން ނިންމާ މައްސަލަތައް ސުޕްރީމް ކޯޓުން ބެލުމުގެ އިޚްތިޞާޞްގެ ވާހަކައެވެ. ހައިކޯޓުގެ ގަވާއިދުގެ 57 ވަނަ މާއްދާގައި ބަޔާންކުރަނީ ހިސާބުޖެހުމުގައި އަރާފައިވާ އޮޅުމެއް ނުވަތަ ލިޔުމުގައިވާ އިމްލާ ކުށެއް ނުވަތަ އޮޅިގެން ދޫކޮށްލެވިފައިވާ ތަނެއް އިޞްލާހުކުރުން ފިޔަވައި ހައިކޯޓުގެ ޙުކުމަކަށް ނުވަތަ ތަފާތުވީ ރައުޔަކަށްވިޔަސް ޙުކުމް އިއްވުމަށްފަހު، އެއްވެސް ބަދަލެއް ނުގެނެވޭނެކަމަށެވެ.
މުޙައްމަދު ޢަބްދުﷲގެ ފަރާތުން ބުނެފައިވަނީ އަތުކުށްތަކަކީ އިސްތިއުނާފުކުރެވޭނެ އެއްޗެއްނޫންކަމަށާއި، އެފަދަ ކުށްތައް އިސްލާހުކުރެވޭނެގޮތް ސުޕްރީމް ކޯޓުގެ ނިންމުންތަކުގައި ސޮއިކުރުމާބެހޭ ޕްރެކްޓިސް ޑައިރެކްޝަނުގައި ބަޔާންކޮށްފައިވާކަމަށާއި އަދި މި މައްސަލައިގައި އެ އިސްލާހުތައް ގެނެވިފައިވަނީ ޕްރެކްޓިސް ޑައިރެކްޝަނާ އެއްގޮތްވާގޮތުގެ މަތިންކަމަށެވެ.
ޙުކުމަށް ބަދަލު ގެނެވޭނީ ކިހާވަރަކަށްކަން އަދި ކޮން ގޮތަކަށްކަން ސުޕްރީމް ކޯޓުގެ ޢަލީ މުޙައްމަދު އަދި ޢަބްދުﷲ އާދަމް ވ. މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕވޓ ލޓޑ ގަޒިއްޔާއާއި ސުޕްރީމް ކޯޓުގެ ނިންމުންތަކުގައި ސޮއިކުރުމާބެހޭ ޕްރެކްޓިސް ޑައިރެކްޝަނުން އެނގެންއޮވެއެވެ.
ޢަލީ މުޙައްމަދު އަދި ޢަބްދުﷲ އާދަމް ވ. މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕވޓ. ލޓޑ ގަޒިއްޔާގެ 22 ވަނަ ޕެރެގްރާފްގައި ބަޔާންކޮށްފައިވަނީ، ކޯޓަކުން ކުރާ ޙުކުމެއްގައި ހުންނަ ހިސާބު ހެދުމުގެ ކުށްތަކާއި، ނުބައިކޮށް ލިޔެވިފައި ހުންނަ ހިސާބުގެ އަދަދާއި، ތާރީޚާއި، މީސްމީހުންގެ ނަމާއި ލިޔުމުގައި ހުންނަ އަތުކުށްތަކަކީ އެފަދަ ކުށްކުށް އިސްލާހުކުރުމަށް މަތީ ކޯޓަކަށް އިސްތިއުނާފުނުކޮށް، އެ ޙުކުމްކުރާ ކޯޓަކުން ކަނޑައަޅާ ވަކި މުއްދަތެއްގެ ތެރޭގައި، އެ ކޯޓަކަށް އިސްލާހުކުރެވިދާނެ ކުށްތަކެއްކަމަށެވެ. އަދި މިފަދަ ކުށްތައް އިސްލާހުކުރަންވާނީ މައްސަލައިގެ ދެފަރާތުގެވެސް ހާޒިރުގައި، އެ އިސްލާހުގެ ރިކޯޑު އެ ކޯޓުގައި ފައިލުކުރުމާއެކުކަމަށް ބަޔާންކޮށްފައިވެއެވެ.
ސުޕްރީމް ކޯޓުގެ ނިންމުންތަކުގައި ސޮއިކުރުމާބެހޭ ޕްރެކްޓިސް ޑައިރެކްޝަނުގެ 4 ވަނަ ނަންބަރުގައި، މައްސަލައިގެ ޙުކުމްކުރި ދުވަހު ދޫކުރި ޖަޖްމެންޓުގައި އަތުކުށެއް ނުވަތަ ހިސާބު ހެދުމުގެ ކުށެއް ނުވަތަ ހިސާބު ޢަދަދެއް ނުވަތަ ތާރީޚެއް ނުވަތަ މީހެއްގެ ކާކުކަން އަންގައިދޭ މައުލޫމާތެއްގައި ކުށެއް ލިޔެވިފައިވާނަމަ، ނުވަތަ އޮޅިގެން ވެއްޓިފައިވާ އަކުރެއް ނުވަތަ ބަހެއް އިސްލާހުކުރަންވާނީ އެ މައްސަލައިގައި ހިމެނޭ ހުރިހާ ޚަޞްމުން ނުވަތަ އެފަރާތްތަކުގެ ވަކީލުން ހާޒިރުވެތިބި މަޖިލިހެއްގައިކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އެ އިޞްލާޙު ގެނެވިފައިވާކަން ބަޔާންކޮށް، އެނގޭނޭ ގޮތަކަށް ނޯޓެއް ލިޔުމަށްފަހު ވެބްސައިޓުގައި ޝާއިޢުކުރަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.
އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ނަންބަރު 2017/HC-A/142 ގަޒިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބަލާއިރު، އެ ގަޒިއްޔާގައި ޙުކުމްކޮށްފައިވަނީ 23 މާރޗް 2021 ގައެވެ. އޭގެ 05 (ފަހެއް) ދުވަސް ފަހުން، 28 މާރޗް 2021 ގައި 23 މާރޗް ގައި ކުރެވުނު ޙުކުމަށް އިސްލާހުތަކެއް ގެނެސްފައިވާކަން އެނގެންއޮވެއެވެ. މި އިސްލާހުތަކަށް ބަލާއިރު، ޖުމްލަ 18 (އަށާރަ) އިޞްލާޙެއް ގެނެސްފައިވާކަމާއި، ގިނަ އިޞްލާޙުތަކަކީ މައްސަލައިގެ ދެފަރާތުގެ ނަން ނުބައިކޮށްޖެހިފައި ހުރުމުގެ ސަބަބުން ގެނެވިފައި ހުރި އިޞްލާޙުތަކެއްކަން ފާހަގަކުރެވެއެވެ.
ވުމާއެކު، ހައިކޯޓު ގަވާއިދުގެ 57 ވަނަ މާއްދާގެ ތަރަހައިގެ ބޭރުން އެއްވެސް އިސްލާހެއް އެ ކޯޓުގެ ނަންބަރު 2017/HC-A/142 ގަޒިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ގެނެވިފައިނުވެއެވެ. އަދި ހައިކޯޓުގެ ރިޕޯޓުގައި ހުރި ކުށްތައް އިޞްލާޙުކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ޕްރެކްޓިސް ޑައިރެކްޝަންގައިވާ އުޞޫލާ އެއްގޮތަށް ހައިކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާރ މެދުވެރިވެ ބައްދަލުވުމެއް ބޭއްވުމަށްފަހުކަމަށް މުޙައްމަދު ޢަބްދުﷲގެ ފަރާތުން ސުޕްރީމް ކޯޓުގައި ބުނެފައިވާއިރު، މިކަމަށް އަޙްމަދު މުޙައްމަދުގެ ފަރާތުންވެސް އިންކާރުކޮށްފައިނުވެއެވެ.
އެހެންކަމުން، ހައިކޯޓުގެ ނަންބަރު 2017/HC-A/142 ގަޒިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް އިސްލާހު ގެނެވިފައިވަނީ އެފަދަ އިސްލާހުތައް ގެނައުމަށް ހަމަޖެހިފައިވާ އިޖުރާއަތުތަކާ އެއްގޮތްވާގޮތުގެމަތިން ކަމުގައި އަހުރެން ދެކެމެވެ.
(ނ) ހައިކޯޓުގެ މުވައްޒަފަކު ބަޔާނުގައި ސޮއިކުރުން
ޝަރީޢަތުގެ މަޖިލީހުގައި ބަދަލު ޤަބޫލު ކުރުމާއި، ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ވަކާލާތު ކުރުމަށް ޝަރީޢަތުގެ މަޖިލީހަށް ހާޒިރުވުމުގެ ގަވާއިދުގެ 5 ވަނަ މާއްދާއާ ޚިލާފަށް މުޙައްމަދު ޢަބްދުﷲގެ ބަދަލުގައި ހާޒިރުވާ ފަރާތުން ބަޔާނުގައި ސޮއިނުކޮށް ހައިކޯޓުގެ ލީގަލް އޮފިސަރެއް ބަޔާނުގައި ސޮއިކޮށްފައިވާކަމަށް އަޙްމަދު މުޙައްމަދުގެ ފަރާތުން ބުނެފައިވެއެވެ.
އެގޮތުން، 28 ޖެނުއަރީ 2021 ގައި ހައިކޯޓުގައި ބޭއްވުނު ޝަރީޢަތުގެ އަޑުއެހުމުގައި މުޙައްމަދު ޢަބްދުﷲގެ ބަދަލުގައި ހާޒިރުވާ ފަރާތުން ބަޔާނުގައި ސޮއިކޮށްފައިނުވާކަމަށާއި، އެ ފަރާތުން ސޮއިކޮށްފައިނެތުމުން ހައިކޯޓުގެ ލީގަލް އޮފިސަރ އެ ބަޔާނުގައި ސޮއިކޮށްފައިވާކަމަށާއި، މިގޮތަށް ހައިކޯޓުގެ ލީގަލް އޮފިސަރަށް ސޮއިކުރެވޭނެ އެއްވެސް ޤާނޫނީ ހައިސިއްޔަތެއްނުވާކަމަށް އަޙްމަދު މުޙައްމަދުގެ ފަރާތުން ސުޕްރީމް ކޯޓުގައި ބުނެފައިވެއެވެ.
ހައިކޯޓު ގަވާއިދުގެ 24 ވަނަ މާއްދާގައި ހައިކޯޓަށް ހުށަހެޅޭ ގަޒިއްޔާތަކުގައި ވަކީލަކު ހަމަޖެއްސުމާއި، ބަދަލުގައި މީހަކު ޤަބޫލުކުރުމުގައި ޢަމަލުކުރަންޖެހޭނީ ޝަރީޢަތުގެ މަޖިލީހުގައި ބަދަލު ޤަބޫލު ކުރުމާއި، ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ވަކާލާތު ކުރުމަށް ޝަރީޢަތުގެ މަޖިލީހަށް ހާޒިރުވުމުގެ ގަވާއިދަށްކަމަށް ބަޔާންކޮށްފައިވެއެވެ.
ހަވާލާދެވުނު ގަވާއިދުގެ 5 ވަނަ މާއްދާގައި ޖުމްލަކޮށް ބަޔާންކުރަނީ، ޚަސްމެއްގެ ބަދަލުގައި ހަމަޖައްސާ މީހަކަށް ޝަރީޢަތުގެ މަޖިލިހަށް ހާޒިރުވެ، ޚަސްމުގެ ފަރާތުން ދައްކަންޖެހޭ ހުރިހާ ވާހަކަތަކެއް ދައްކައި، ޖަވާބުދާރީވާންޖެހޭ ހުރިހާކަމަކަށް ޖަވާބުދާރީވެ، ކުރަންޖެހޭ ހުރިހާ ކަމެއްގެ އިޚްތިޔާރު ބަދަލުގައި ފޮނުވޭ މީހަކަށް ދީފައިވާކަމުގެ ލިޔުމެއް އޮންނަންޖެހޭކަމަށާއި، އަދި އެކަން ބަދަލުގައި ކޯޓަށް އަންނަ މީހާ ޤަބޫލުކުރާ ކަމުގެ ލިޔުމެއް އޮންނަންޖެހޭކަމަށެވެ.
އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ރިޕޯޓަށް ބަލާއިރު، އަޙްމަދު މުޙައްމަދުގެ ފަރާތުން ޙަވާލާދެނީ މުޙައްމަދު ޢަބްދުﷲގެ ވަކީލު، މުޙައްމަދު ޝާކިރު 28 ޖަނަވަރީ 2021 ގައި ދީފައިވާ ބަޔާނަށެވެ. އެ ބަޔާނުގައި މުޙައްމަދު ޝާކިރު ސޮއިކޮށްފައިވެއެވެ. އަދި މުޙައްމަދު ޢަބްދުﷲގެ ބަދަލުގައި ޝަރީޢަތުގެ މަޖިލިހަށް ހާޒިރުވުމަށް ހަމަޖެހިފައިވާ ރަފާހާ ރަޝީދު ކަރަންޓީނުގައި ހުރުމުގެ ސަބަބުން ހާޒިރުވެވެންނެތުމުން، އެ ބަޔާނުގައި ސޮއިކުރީ ހައިކޯޓުގެ ލީގަލް އޮފިސަރ ރާމިޒާ މުޙައްމަދުކަމަށް އެ ބަޔާނުގެ ތިރީގައި ނޯޓުކޮށްފައި އޮވެއެވެ.
ޝަރީޢަތުގެ މަޖިލިހުގައި ދައްކާ ވާހަކަތައް މަޙުޟަރުކުރުމުގެ ތާރީޚަށް ބަލާއިރު، ޝަރީޢަތްކުރުމާބެހޭގޮތުން ހެދިފައިވާ ގަވާއިދު 6.0 ގެ 228 ވަނަ މާއްދާގައި ޝަރީޢަތުގެ މަޖިލިހުގައި މައްސަލައިގެ ދެފަރާތުން ދައްކާ ވާހަކަތަކާއި މައްސަލައާ ގުޅިގެން ހާޒިރުކުރެވޭ ހެކިންގެ ވާހަކަތައް މަޙުޟަރުކުރަންޖެހުމުގެ ސަބަބަށް އަލިއަޅުވާލައިފައިވެއެވެ. އެގޮތުން، ދަށު މަރުހަލާގައި ހިނގާ މައްސަލަތައް އަލުން ބެލުމުން މައްސަލައިގެ ޚަސްމުން ދައްކާ ވާހަކަތައް މަޙުޟަރު ކުރެވިފައި ނެތުމުން ހަމަނުޖެހޭ މައްސަލަތައް މެދުވެރިވާކަން ފާހަގަކޮށްފައިވެއެވެ. ހަމަ އެފަދައިން، ޝަރީޢަތަށް ހުށަހެޅޭ ގޯތި ގެދޮރާ ބެހޭ ނުވަތަ މިލްކިއްޔާތާބެހޭ މައްސަލަތަކުގައި އެތަނެއް ނުވަތަ އެއެއްޗެއް ވިއްކިކަމުގައިވިޔަސް ނުވަތަ ދިންކަމުގައިވިޔަސް އެކަމާބެހޭ ގޮތުން ޝަރީޢަތުގެ މަޖިލިހުގައި ބުނާ އެއްޗެއް ކަނޑައެޅިގެން ކޮން އެއްޗެއްކަން ރަނގަޅަށް ސާފުވާގޮތަށް މަޙުޟަރުކޮށް ސޮއިކުރުވަންވާނެކަމަށް ޝަރީޢަތްކުރުމާބެހޭގޮތުން ހެދިފައިވާ ގަވާއިދު 6.0 ގެ 228 ވަނަ މާއްދާގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވެއެވެ. އަދި އެގޮތަށް ހަމަޖައްސަންޖެހުނީ ބައެއް މައްސަލަތަކުގައި މަޙްޟަރުކޮށްފައި ހުންނަ ބަޔާންތަކުން ބުނާ އެއްޗެއް ރަނގަޅަށް ސާފުނުވެ، ތަފާތު މާނަ ނެގޭ ގޮތަށް ހުންނާތީކަމަށް ބަޔާންކޮށްފައިވެއެވެ.
މައްސަލައިގެ ދެފަރާތުން، ނުވަތަ ހެއްކެއް ނުވަތަ އެ ނޫންވެސް ޝަރީޢަތަށް ހާޒިރުކުރެވޭ އެހެން މީހެއް ޝަރީޢަތުގެ މަޖިލިހުގައި ދައްކާ ވާހަކަތަކުގެ މަހުޟަރުގައި ސޮއިކުރުމަށް އިންކާރުކޮށްފިނަމަ، އެބަޔާނަކީ އެމީހަކު ދެއްކި ވާހަކައާ އެއްގޮތަށް ލިޔެވިފައިވާ ބަޔާނެއްކަމަށް ހެކިންގެ ގޮތުގައި ދެ މުވައްޒަފަކު ސޮއިކުރަންވާނެކަމަށް 228 ވަނަ މާއްދާގެ (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވެއެވެ.
ވުމާއެކު، މަޙުޟަރު ބަޔާނަކީ ޝަރީޢަތުގެ މަޖިލިހުގައި މީހަކު ދެއްކި ވާހަކައެއް އެ ދެއްކި ގޮތަކަށް ލިޔުމުން ރިކޯޑުކުރުމުގެ މަޤުސަދުގައި އޮންނަ އެއްޗެއްކަން އެނގެއެވެ. އަދި މަޙްޟަރު ބަޔާންތަކުގައި މައްސަލައިގެ ޚަޞްމުންނާއި ހެކިން އެއީ އެމީހުން ދެއްކި ޞައްޙަ ވާހަކަކަމަށް އިޤުރާރުވެ ސޮއިކުރުމުގެ ބޭނުމަކީ، އެ މައްސަލަ ފަހުން މަތީ މަރުހަލާ ކޯޓަކުން ނުވަތަ އެނޫންވެސް ތަނަކުން ބަލަންވިޔަސް، ކޯޓުގައި ކަން ހިނގާދިޔަގޮތް ކަށަވަރުކުރަން ބޭނުންވެއްޖެ ހާލަތެއްގައި، ލިޔެކިޔުމުން ފެންނަހެން ބެހެއްޓުމެވެ.
ޚަޞްމުން ނުވަތަ ހެކިން މަޙްޟަރު ބަޔާނެއްގައި ސޮއިކުރަން އިންކާރުކުރާ ހާލަތުގައި ކޯޓުގެ މުވައްޒަފުން ސޮއިކުރަނީ މައްސަލައިގައި ދައްކާފައިވާ ވާހަކަކަމަށް ކަށަވަރުކޮށްދިނުމުގެ ގޮތުންނެވެ. މަޙްޟަރު ބަޔާންތަކުގައި ކޯޓުގެ މުވައްޒަފުން ސޮއި ކުރަނީ ޚަޞްމު ތަމްސީލުކުރުމުގެ ގޮތުންނެއް ނޫނެވެ.
ބުނެވުނު ބަޔާނަކީ މުޙައްމަދު ޢަބްދުﷲގެ ޤާނޫނީ ވަކީލުވެސް ސޮއިކޮށްފައިވާ ބަޔާނެއްކަމުގައިވާއިރު، އެ ބަޔާނުގެ ސައްޙަކަމާމެދު، މުޙައްމަދު ޢަބްދުﷲގެ ފަރާތުން ސުވާލު އުފައްދާފައިނުވެއެވެ.
އެހެންކަމުން، މުޙައްމަދު ޢަބްދުﷲގެ ޤާނޫނީ ވަކީލުގެ އިތުރުން ހައިކޯޓުގެ މުވައްޒަފަކު އެ ކޯޓުގެ މަޙްޟަރު ބަޔާނެއްގައި ސޮއިކޮށްފައި އޮތް އޮތުމަކީ އެ ބަޔާނުގެ ސައްޙަކަމާމެދު ސުވާލު އުފައްދަންޖެހޭ، ނުވަތަ އެ ސަބަބުގެ މައްޗަށް ބިނާކޮށް ހައިކޯޓުން ކޮށްފައިވާ ޙުކުމް ބާޠިލުކުރަންޖެހޭ ޤާނޫނީ ހުއްޖަތެއްނޫނެވެ.
އެއްބަސްވުން ބާޠިލުކުރަންޖެހޭ ފަދަ ސަބަބެއް މެދުވެރިވެފައިވޭތޯ
އަޙްމަދު މުޙައްމަދުގެ ފަރާތުން ހައިކޯޓުގެ ނަންބަރު 2017/HC-A/142 ގަޒިއްޔާ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރަމުން، ހައިކޯޓުން މައްސަލަ ނިންމާފައިވަނީ ކޮންޓްރެކްޓެއް ބާޠިލުކުރުމާ ގުޅޭގޮތުން ޝަރީޢަތުން ބަލަންޖެހޭ އެއްވެސްކަމަކަށް ޙަވާލާނުދީ އަދި ކޮންޓްރެކްޓެއް ބާޠިލުކުރެވޭ އާންމު އުސޫލުތަކާ ޚިލާފަށްކަމަށާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ދައުލަތް ވ. ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑް ގަޒިއްޔާގައި އެއްބަސްވުން ބާޠިލުކުރުމުގައި ޝަރީޢަތުން ބަލަންޖެހޭ ބައެއް އުޞޫލުތައް ފާހަގަކޮށްފައިވާކަމަށާއި މިކަންކަމަށް ހައިކޯޓުން މައްސަލަ ނިންމުމުގައި ރިޢާޔަތްކޮށްފައިނުވާކަމަށް ބުނެފައިވެއެވެ.
(ހ) ސިވިލް ކޯޓުން އެއްބަސްވުން ބާޠިލު ކުރި ސަބަބު
ސިވިލް ކޯޓުގެ ނަންބަރު 1187/Cv-C/2016 ގަޒިއްޔާގައި އަޙްމަދު މުޙައްމަދުގެ ފަރާތުން ދަޢުވާކުރީ މުޙައްމަދު ޢަބްދުﷲގެ ފަރާތުން އެއްބަސްވުމާއި ޚިލާފުވެފައިވާތީ، އެއްބަސްވުން ބާޠިލުކޮށްދިނުމަށް އެދިއެވެ. މުޙައްމަދު ޢަބްދުﷲގެ ފަރާތުން އެއްބަސްވުމާ ޚިލާފުވެފައިވާކަމަށް އަޙްމަދު މުޙައްމަދު ބުނެފައިވަނީ އެއްބަސްވުމުގެ 5 ވަނަ މާއްދާގައި ބުނެފައިވާ ފަދައިން އެގްރިމެންޓްގެ މުއްދަތު ގުނަން ފަށާ ތާރީޚުން ފެށިގެން މީލާދީ 18 (އަށާރަ) މަސް ދުވަހުގެ ތެރޭގައި ޢިމާރާތްކޮށް ނިންމާފައިނުވާތީއެވެ. އެގްރިމެންޓުގައި ބުނާ މުއްދަތުގައި ޢިމާރާތް ނިމިފައިނުވަނީ 2015 ވަނަ އަހަރު ކޮންސްޓްރަކްޝަން ދާއިރާއަށް ކުރިމަތިވިކަމަށް ބުނާ ޙާލަތު މެދުވެރިވެގެންކަމަށް މުޙައްމަދު ޢަބްދުﷲ ބުނެފައިވީނަމަވެސް، އެގްރިމެންޓުގައި ބުނާ 18 (އަށާރަ) މަސް ދުވަހުގެ މުއްދަތު ހަމަވަނީ ޑިސެންބަރު 2013 އަށެވެ. އެހެންކަމުން 2015 ގައި ކުރިމަތިވިކަމަށް ބުނާ ކަންކަމަކީ މި މައްސަލައިގައި ބުރަދަން ދެވެންހުރި ކަންކަން ނޫންކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވެއެވެ.
އަދި އެއްބަސްވުމުގެ 12 ވަނަ މާއްދާގައި ބުނާ -/8000ރ. (އަށްހާސް ރުފިޔާ) ގެ ކުލީގެ ފައިސާ ދައްކަމުންދާކަމަށް މުޙައްމަދު ޢަބްދުﷲގެ ފަރާތުން ބުނެފައިވާއިރު، ބޭންކް ޓްރާންސްފަރ ރިސިޕްޓްތަކުން އެނގެންއޮތީ ހަމަ އެކަނި 2016 ގެ ޖެނުއަރީ މަހުން ފެށިގެން 2016 ގެ އޯގަސްޓް މަހުގެ ނިޔަލަށް ކުލީގެ ފައިސާ ޓްރާންސްފަރކުރިކަމަށެވެ. އަދި ސ. ހިތަދޫ ފެހިވިލާގެ، އަޙްމަދު މުޙައްމަދުދީދީ ފައިސާ ދޭން ފެށީ 2015 އިން ފެށިގެންކަމަށް އެފަރާތުގެ ބަހުން އެނގެން އޮތުމާއެކު، މިއީ މުޅި އެއްބަސްވުމުގެ މައިގަނޑު މަޤުސަދާ ޚިލާފުވުން، ނަފީކޮށްދޭ ހެކިތަކެއްނޫންކަމަށް ސިވިލް ކޯޓުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
(ށ) ހައިކޯޓުން އެއްބަސްވުން ބާޠިލުކުރަންޖެހޭ ޙާލަތެއްނެތްކަމަށް ނިންމި ސަބަބު
ހައިކޯޓުގެ ރިޕޯޓުގައި މިކަމާއި ގުޅިގެން ފާހަގަކޮށްފައިވަނީ އެއްބަސްވުމުގައި ކަނޑައެޅިފައިވާ މުއްދަތަށް ތަން ނުނިމިއްޖެނަމަ ޢަމަލުކުރާނެގޮތް ދެފަރާތުން ތަސައްވުރުކޮށް އެއްބަސްވުމުގައި މާއްދާއެއް ހިމެނިފައިވާކަމަށާއި، އެ ގޮތުން އެއްބަސްވުމުގެ 5 ވަނަ މާއްދާގައި ވަނީ މިހާލަތުގައި ތަން ޙަވާލުކުރެވެންދެން މުޙައްމަދު ޢަބްދުﷲގެ ފަރާތުން 5000/-ރ. (ފަސްހާސް ރުފިޔާ) ރުފިޔާ އިތުރަށް ދިނުމަށްކަމަށާއި، އެހެންކަމުން، ތަން ކަނޑައެޅިފައިވާ މުއްދަތަށް ނުނިމުމަކީ އެއްބަސްވުން ބާޠިލުކުރެވޭނެ ޙާލަތެއް އުފަންކުރުވާކަމެއްކަމަށް އެއްބަސްވުން ތަސައްވުރުކޮށްފައިނުވާކަމަށެވެ.
(ނ) ދެފަރާތު ދެމެދު ވެވުނު އެއްބަސްވުން
އަޙްމަދު މުޙައްމަދު އާއި މުޙައްމަދު ޢަބްދުﷲ އާ ދެމެދު 24 މެއި 2012 ގައި ސޮއިކުރި ޢިމާރާތްކުރުމާއި، ޢިމާރާތް ކުއްޔަށްހިފުމުގެ އެގްރީމަންޓަކީ ހ. ފެއަރީއެވެ ކިޔާ 700 އަކަފޫޓުގެ ބަންޑާރަ ގޯތި، މީލާދީ 35 (ތިރީސްފަހެއް) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފައި، އެތަނުގައި 7 ފްލޯރގެ ޢިމާރާތެއްކޮށް، އެ ޢިމާރާތަށް އިންވެސްޓްކުރި ފަރާތަށް ކުއްޔަށް ހިފި މުއްދަތު ހަމަވަންދެން ޢިމާރާތުގެ ބައިތަކުގެ ބޭނުން ހިފަމުންދާ ގޮތާމެދު އަޙްމަދު މުޙައްމަދު (ކުއްޔަށް ދިން ފަރާތް) އާއި މުޙައްމަދު ޢަބްދުﷲ (ކުއްޔަށް ހިފި ފަރާތް) އާ ދެމެދު އެއްބަސްވާ ކަންކަން ބަޔާންކުރާ އެގްރިމެންޓެއްކަމަށް މި އެގްރިމެންޓުގެ ފުރަތަމަ ޕެރެގްރާފުގައި ބަޔާންކޮށްފައިއޮވެއެވެ.
މި އެގްރިމެންޓުގެ މާއްދާތަކަށް ބަލާއިރު، އެގްރިމެންޓުގެ މުއްދަތަކީ 06 ޖޫން 2012 އިން ފެށިގެން މީލާދީ 35 (ތިރީސްފަހެއް) އަހަރު ދުވަހުގެ މުއްދަތެވެ. އެހެންކަމުން، އެގްރިމެންޓުގެ މުއްދަތު ހަމަވާނީ 05 ޖޫން 2047 ގައެވެ. ކުއްޔަށް ހިފުމުގެ މުއްދަތު ހިނގަން ފެށުމުން، ކުއްޔަށްދިން ފަރާތް ދިރިއުޅުމަށް ބޭނުންވާ ތަނަކާއި އެހެނިހެން ޚަރަދުތަކަށް ޢިމާރާތުގެ ފްލޯރއެއް ޙަވާލުކުރަންދެން މަހަކު 8000/-ރ. (އަށްހާސް ރުފިޔާ) ކުއްޔަށްހިފި ފަރާތުން ދައްކަންވާނެކަމަށާއި، ކުއްޔަށް ހިފިތަނުގައި އެއްބަސްވެވުނުއިރު ހުރި ޢިމާރާތް ތަޅާލައި، އެ ތަނުގައި 7 (ހަތެއް) ބުރީގެ އައު ޢިމާރާތެއް ކުރުމަކީ ކުއްޔަށް ހިފި ފަރާތުގެ ޒިންމާއެއްކަމަށް އޮވެއެވެ. އަދި ކުއްޔަށް ހިފުމުގެ މުއްދަތު ގުނަން ފަށާ ތާރީޚުން ފެށިގެން މީލާދީ 18 (އަށާރަ) މަސް ދުވަހުގެ ތެރޭގައި ހ. ފެއަރީ ޢިމާރާތް ކުރުމަކީ ކުއްޔަށް ހިފި ފަރާތުގެ ޒިންމާއެއްކަމަށާއި، މި 18 (އަށާރަ) މަސް ދުވަހުގެ މުއްދަތު ހަމަވުމުގެ ކުރިން، މި ޢިމާރާތުން ކުއްޔަށް ދިން ފަރާތާއި ޙަވާލުކުރަންޖެހޭ ފްލޯރތައް ޙަވާލުކޮށް ނިންމަންވާނެކަމަށާއި، އަދި މި ގޮތުން ޢިމާރާތުގެ ވެރިފަރާތާއި ޙަވާލުކުރަންޖެހޭ ފްލޯރތައް (2 ފްލޯރ އާއި ޓެރަސް) ޙަވާލުނުކޮށް ލަސްވާނަމަ، އެ ފްލޯރ ޙަވާލުކުރެވެންދެން މަހަކު 5000/-ރ. (ފަސްހާސް ރުފިޔާ) ދައްކަންވާނެކަމަށް އެގްރިމެންޓުގައި އޮވެއެވެ.
ޢިމާރާތުގެ ވެރިފަރާތް ނުވަތަ އަޙްމަދު މުޙައްމަދުއާ ހަވާލުކުރަން ހުރި ފްލޯރތަކަކީ ހަވަނަ ފްލޯރއާއި ހަތްވަނަ ފްލޯރއާއި އަދި ޓެރަސްއެވެ. އެގްރިމެންޓުގެ 3 ވަނަ މާއްދާއަށް ބަލާއިރު، އެގްރިމެންޓުގެ މުއްދަތަކީ 35 އަހަރުކަމުގައިވީނަމަވެސް، އެ މުއްދަތުގެ ތެރޭގައި ޢިމާރާތުގެ ދެން ހުރި ފްލޯރތައް އެކި އަހަރުތަކަށް ބަހާލައިގެން ކުއްޔަށް ހިފި މުޙައްމަދު ޢަބްދުﷲގެ ފަރާތުން އަޙްމަދު މުޙައްމަދުއާ ހަވާލުކުރަންޖެހެއެވެ. އެގޮތުން، އެގްރިމެންޓަށް ޢަމަލުކުރަންފަށާތާ 27 އަހަރު ފަހުން ފަސްވަނަ ފްލޯރ، 28 އަހަރު ފަހުން ހަތަރުވަނަ ފްލޯރ، 29 އަހަރު ފަހުން ތިންވަނަ ފްލޯރ، 30 އަހަރު ފަހުން ދެވަނަ ފްލޯރ، 31 އަހަރު ފަހުން ފުރަތަމަ ފްލޯރ އަދި 35 އަހަރު ފަހުން ގްރައުންޑް ފްލޯރ އަޙްމަދު މުޙައްމަދުއާ ޙަވާލުކުރަންޖެހޭކަމަށް ބަޔާންކޮށްފައިވެއެވެ.
(ރ) ކޮންޓްރެކްޓާ ޚިލާފުވެގެން ކޮންޓްރެކްޓް ނިމުމަކަށް ގެނައުން
ސުޕްރީމް ކޯޓުގެ ދައުލަތް ވ. ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑް ގަޒިއްޔާގެ ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔުގެ ޕެރެގްރާފް 29 ގައި ބަޔާންކުރައްވާފައިވަނީ އަންނަނިވި ފަދައިންނެވެ.
"ކޮންޓްރެކްޓުގެ ދަށުން އަދާކުރަންޖެހޭ އިލްތިޒާމެއް ފުރިހަމަކޮށްފި ކަމަށްވާނީ ކޮންޓްރެކްޓުގައި ބުނެފައިވާ ގޮތަށް އެކަން ކުރުމުންނެވެ. ގިނަ އަގްދީ އިލްތިޒާމްތަކަކީ މުތުލަގު މަސްއޫލިއްޔަތު އޮންނަ އިލްތިޒާމްތަކެކެވެ. އޭގެ މާނައަކީ ކޮންޓްރެކްޓްގެ ބައިވެރިއަކު ވަކި ކަމެއް ކުރުމަށް ވައުދުވެފައިވާނަމަ، އެ އިލްތިޒާމް އަދާކޮށްފިކަމަށް ބެލެވޭނީ އެކަމެއް ތުނޑުން ތުނޑަށް ކުރުމުންނެވެ. އެފަރާތަށް ވީ އެންމެ ރަނގަޅަކަށް އެކަންކުރުމަކުން ނުފުދެއެވެ. އެ މިންވަރު ހާސިލުނުވާނަމަ ބެލެވޭނީ ކޮންޓްރެކްޓާ ޚިލާފުވީކަމަށެވެ."
ކޮންޓްރެކްޓުގެ އެއް ބައިވެރިއަކު ކޮންޓްރެކްޓްއާ ޚިލާފުވުމުގެ ސަބަބުން ކޮންޓްރެކްޓް ނިމުމަކަށް ގެނެވޭނެ ހާލަތްތަކެއްވެއެވެ. އެއިގެ ތެރޭގައި ކޮންޓްރެކްޓުގެ އެއް ބައިވެރިއަކު ކޮންޓްރެކްޓްގެ މައިގަނޑު ކަމަކާ ޚިލާފުވުން ހިމެނެއެވެ.
ދައުލަތް ވ. ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑް ގަޒިއްޔާގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔުގެ 41 ވަނަ ޕްރެގްރާފުގައި ބަޔާންކުރައްވާފައިވަނީ ކޮންޓްރެކްޓާ ޚިލާފުވުމުގެ ސަބަބުން އެ ކޮންޓްރެކްޓް ނިމުމަކަށް ގެނައުމުގެ ޙައްޤު މައުސޫމް ފަރާތަށް ލިބިދެވޭނެ ހާލަތާ ގުޅޭގޮތުންނެވެ. އެގޮތުން، އެ ޚިލާފުވުމަކީ ކޮންޓްރެކްޓްގެ މައިގަނޑު ކަމަކާ ޚިލާފުވުންކަން ނުވަތަ ނޫންކަން ބިނާވެފައި އޮންނާނީ އެ ޚިލާފުގެ ބުރަދަނާ ސީރިއަސްކަމުގެ މައްޗަށްކަމަށް ބަޔާންކުރައްވާފައިވެއެވެ. ކޮންޓްރެކްޓް ނިމުމަކަށް ގެނެވޭނީ އެ ޚިލާފަކީ ބުރަދަން ހުރި ސީރިއަސް ޚިލާފަކަށް ވާ ނަމައެވެ.
މި އެންމެހައި ކަންކަން ކަނޑައެޅިގެންދަނީ މައްސަލައިގެ ވާގިއާތަކުގެ މައްޗަށް ބިނާކޮށްކަމުގައިވާއިރު، އެ ޚިލާފަކީ ކޮންޓްރެކްޓުގެ މައުސޫމް ފަރާތް އެ ކޮންޓްރެކްޓުން ހޯދި ވިޔަފާރިން މަހުރޫމު ކުރަވަނިވި ޚިލާފެއްތޯ ނޫންތޯ، ނުވަތަ މުޅި ކޮންޓްރެކްޓްގެ ފުނަށް ގޮސް ކޮންޓްރެކްޓްގެ މުލާ ހަމައަށް ގޮސް އެންމެހައި ކަންކަމަށް ރިޢާޔަތްކޮށް، އެ ޚިލާފުވުމުގެ ނަތީޖާއަށް ރިޢާޔަތްކުރުމާއި، ކޮންޓްރެކްޓާ ޚިލާފުނުވާ ފަރާތުގެ މަސްލަޙަތަށާއި، ޚިލާފުވާ ފަރާތުގެ މަޞްލަޙަތު ފަދަ ކަންކަމަށް ރިއާޔަތްކުރުން ހިމެނެއެވެ.
(ބ) މި މައްސަލައިގައިވާ އެގްރިމެންޓް ނިމުމަކަށް ގެންނަންޖެހޭ ހާލަތެއް މެދުވެރިވެފައިވޭތޯ
ހުށަހެޅިފައިމިވާ މައްސަލައިގައި، ސިވިލް ކޯޓުން ކަނޑައަޅާފައިވަނީ އަޙްމަދު މުޙައްމަދުއާއި މުޙައްމަދު ޢަބްދުﷲއާ ދެމެދުވި އެގްރިމެންޓް ބާޠިލުކުރެވޭ ވަރުގެ ބޮޑު ޚިލާފުވުމެއް މުޙައްމަދު ޢަބްދުﷲ ވެފައިވާކަމަށެވެ. އެއީ، އެގްރިމެންޓުގައި ބަޔާންކުރާ 18 (އަށާރަ) މަސް ދުވަހުގެ މުއްދަތުގެ ތެރޭގައި ހ. ފެއަރީ ޢިމާރާތްކޮށް ނުނިންމުމުގެ އެކަށީގެންވާ ސަބަބެއް މުޙައްމަދު ޢަބްދުﷲއަށް ދެއްކިފައި ނެތުމުން، މުޙައްމަދު ޢަބްދުﷲ އެގްރިމެންޓާ ޚިލާފުވީކަމަށް ކަނޑައަޅައެވެ.
ހައިކޯޓުން ބުނެފައިވަނީ އެގްރިމެންޓުގެ 5 ވަނަ މާއްދާއަށް ރިޢާޔަތްކުރާނަމަ، އެގްރިމެންޓުގައިވާ މުއްދަތުގައި ތަން ޢިމާރާތްކޮށް ނުނިންމޭނަމަ، ދެން ޢަމަލުކުރަންވާގޮތް އެގްރިމެންޓުގައި ބަޔާންކޮށްފައިވާކަމަށެވެ. އެއީ، ހަވަނަ އަދި ހަތްވަނަ ފްލޯރއާއި ޓެރަސް ނުނިމޭ ކޮންމެ މަހަކަށް އިތުރު -/5000ރ. (ފަސްހާސް ރުފިޔާ) ދެއްކުމެވެ.
އަޙްމަދު މުޙައްމަދުއާއި މުޙައްމަދު ޢަބްދުﷲއާ ދެމީހުން ދެމެދު ވެވުނު އެގްރިމެންޓުގެ މަޤުސަދަށް ބަލާއިރު، މިއީ، އަޙްމަދު މުޙައްމަދުގެ ގޯއްޗެއްގައި އިންވެސްޓްކޮށް ޢިމާރާތްކުރުމަށް މުޙައްމަދު ޢަބްދުﷲ ވެފައިވާ އެގްރިމެންޓެއްކަން އެނގެއެވެ. އެގްރިމެންޓުން ދެފަރާތަށް ލިބޭ މަންފާ ކުރުކޮށް ބުނާނަމަ، ތަން އަމިއްލަ ޚަރަދުގައި ޢިމާރާތްކުރާ ފަރާތުގެ ހައިސިއްޔަތުން، މުޙައްމަދު ޢަބްދުﷲއަށް ތަނުގެ ހަ ފްލޯރ 35 އަހަރު ދުވަހުގެ ތެރޭގައި އެކި މުއްދަތުތަކަށް ބޭނުންކުރުމުގެ ޙައްޤު ލިބިފައިވާއިރު، ކޮންޓްރެކްޓްވި ތާރީޚުގެ 18 (އަށާރަ) މަސް ފަހުން، ހ. ފެއަރީ ގެ ހަވަނަ ފްލޯރ، ހަތްވަނަ ފްލޯރ އަދި ޓެރަސް ގޯތީގެ ވެރިފަރާތް އަޙްމަދު މުޙައްމަދުއާ ހަވާލުކުރެވި، ޢިމާރާތުގެ ދެންހުރި ފްލޯރތައް 35 އަހަރު ދުވަހުގެ ތެރޭގައި އެކި މުއްދަތުތަކުގައި ފަހަރަކު ފްލޯރއެއް އަޙްމަދު މުޙައްމަދުއަށް ލިބިގެންދިޔުމެވެ.
އެގްރިމެންޓުގައި ބުނާ 18 (އަށާރަ) މަސް ދުވަހުގެ ތެރޭގައި ހ. ފެއަރީ ޢިމާރާތްކޮށް ނުނިމޭނަމަ، 35 އަހަރު ދުވަހުގެ މުއްދަތަށް މައްސަލައިގެ ދެފަރާތަށް ބަހާލެވިފައިވާ މަންފާތައް ދެފަރާތުން އެންމެ ފުރަތަމަ އެއްބަސްވިގޮތަށް ލިބިދެވުމުގެ ފުރުސަތު ނިސްބަތުން ހަނިވެގެންދެއެވެ. މިސާލަކަށް، އަޙްމަދު މުޙައްމަދުއަށް 18 (އަށާރަ) މަސް ދުވަސް ފަހުން ލިބެންވާ ތިން ފްލޯރ އެ މުއްދަތުގައި ނުލިބުމުން، އެގްރިމެންޓުގައި ތަސައްވުރުކުރެވިފައިވާ މަންފާއިން އޭނާ މަހުރޫމްވެގެންދެއެވެ. ހަމަ އެފަދައިން، މުޙައްމަދު ޢަބްދުﷲ އަށް އެގްރިމެންޓުގެ ދަށުން މަންފާ ލިބިގަތުމަށް ހަމަޖެހިފައިވާ އެކި ފްލޯރތަކަކީ ވަކި މުއްދަތަކަށް ކުއްޔަށް ލިބިފައިވާ ތަންތަން ކަމުގައިވާއިރު، އިންވެސްޓަރެއްގެ ހައިސިއްޔަތުން ޢިމާރާތްކުރުމަށް ލަސްވާ ލަސްވުމުން، ޢިމާރާތްކުރުމަށްފަހު ތަނުން ލިބިގަންނަ މަންފާ، ނުވަތަ އިންވެސްޓްމަންޓް ރިކަވަރީ މުއްދަތު، ޢިމާރާތް ކުރިން ނުނިންމުމުގެ ސަބަބުން ކުރުވެގެންދެއެވެ.
ހައިކޯޓުން މި އެގްރިމެންޓް މާނަކޮށްފައިވާ ގޮތަށް މާނަކުރަންވެއްޖެނަމަ، ހ. ފެއަރީގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ހުރިހާ ފްލޯރތަކެއް ޢިމާރާތް ކުރުމެއްނެތި، އެންމެ ދެތިން ފްލޯރ ޢިމާރާތްކޮށްގެން ވިޔަސް، މުޙައްމަދު ޢަބްދުﷲގެ ފަރާތުން އަޙްމަދު މުޙައްމަދުއަށް ކުލީގެ ގޮތުގައި ދައްކާ -/8000ރ. (އަށްހާސް ރުފިޔާ) ގެ އިތުރުން، އަޙްމަދު މުޙައްމަދުއަށް ޙަވާލުކުރަންޖެހޭ ފްލޯރތައް ހަވާލުކުރުން ލަސްވާތީ ދައްކަންޖެހޭ އިތުރު -/5000ރ. (ފަސްހާސް ރުފިޔާ) މުޅި 35 އަހަރު ދުވަހުގެ މުއްދަތަށްވެސް ދެއްކުމުގައި ދެމިހުންނަންވީއެވެ.
މިއީ ދެފަރާތު ދެމެދުވި އެގްރިމެންޓުގެ މަޤުސަދާ އެއްގޮތަށް ހައިކޯޓުން މާނަކޮށްފައި އޮތް އޮތުމެއްކަމުގައި އަހުރެން ނުދެކެމެވެ. މިއީ، ސިވިލް ކޯޓުން ކަނޑައަޅާފައިވާ ފަދައިން، އެގްރިމެންޓް ނިމުމަކަށް ގެނައުމަށް ފުދޭވަރުގެ ސީރިއަސް އަދި ބުރަދަންހުރި ޚިލާފެކެވެ. ސަބަބަކީ މުޅި އެގްރިމެންޓުގެ މަޤުސަދު ހާސިލުވެނުދިޔުމެވެ. ޢިމާރާތުގެ ވެރިފަރާތާއި ޙަވާލުކުރަންޖެހޭ ފްލޯރތައް (2 ފްލޯރ އާއި ޓެރަސް) ޙަވާލުނުކޮށް ލަސްވާނަމަ އެ ފްލޯރތައް ޙަވާލުކުރެވެންދެން މަހަކު 5000/-ރ. (ފަސްހާސް ރުފިޔާ) ދައްކަންވާނެކަމަށް އޮތުމަކީ އެއްބަސްވުމުގެ ދަށުން އަދާކުރަންޖެހޭ މައިގަނޑު އިލްތިޒާމް އަދާނުކޮށް ހުރުމަށް ވާގިދޭގޮތަށް މާނަކުރެވިދާނެ މާއްދާއެއްނޫނެވެ. އެ މާއްދާއަކީ އެއްބަސްވުމުގެ ދަށުން އަދާކުރަންޖެހޭ އިލްތިޒާމް އަދާކުރުމަށް ބާރުއަޅާ މާއްދާއެކެވެ. އެއްބަސްވުމުގެ ދަށުން އަޙްމަދު މުޙައްމަދުއަށް ލިބެންޖެހޭ ފްލޯރތައް (2 ފްލޯރ އާއި ޓެރަސް) ނުލިބި، 2 ފްލޯރ އާއި ޓެރަހުގެ ބަދަލުގައި މަހަކު 5000/-ރ. (ފަސްހާސް ރުފިޔާ) މުއްދަތެއް ނެތް ގޮތަށް ލިބޭ ގޮތަށް އޮތުމަކީ އަޙްމަދު މުޙައްމަދުގެ ފަރާތުންވެސް ތަސައްވުރުކުރާނެ ކަމަކަށްނުވާނެއެވެ. އަގުގެ ގޮތުން ބަލާއިރުވެސް، އަޙްމަދު މުޙައްމަދުއަށް ލިބޭނެ ބޮޑު ގެއްލުމެކެވެ. އަދި އެގޮތަށް އެ މާއްދާ މާނަކުރަންވެއްޖެ ނަމަ، ޢިމާރާތް ނުނިންމާ އެގްރިމެންޓުގެ މުއްދަތު ނިމެންދެން ހުރިކަމުގައި ވިޔަސް އެގްރިމެންޓު ބާޠިލެއްނުކުރެވޭނެއެވެ. މިގޮތަށް މާނަކޮށްފިނަމަ އެ މާނަކުރުން ވެގެންދާނީ ކޮންޓެރްކްޓުގެ އެއް ބައިވެރިއަކަށް އެ ކޮންޓްރެކްޓުން ލިބެން އުންމީދުކުރި މަންފާއިން މަހްރޫމްވެގެންދާނެ ކަމަކަށެވެ.
އެގްރިމެންޓުގައި ބުނާ މުއްދަތުގައި ޢިމާރާތްކޮށް ނިމިފައިނުވާ ސަބަބަކީ 2015 ވަނަ އަހަރުގައި ޢިމާރާތްކުރުމަށްޓަކައި ބޭނުންކުރާ ހިލަވެއްޔާއި އަދި މިނޫންވެސް ތަކެތި ނުލިބި ކޮންސްޓްރަކްޝަން ހުއްޓުމަކަށް އައިސް ޤައުމީ މައްސަލައެއް ކުރިމަތިވެފައިވާތީކަމަށް މުޙައްމަދު ޢަބްދުﷲގެ ފަރާތުން ބުނެފައިވާއިރު، މިއީ އެގްރިމެންޓުގައި ޢިމާރާތްކުރުމަށް އޮތް މުއްދަތަށް ވުރެ ފަހުގެ ތާރީޚެއްކަން އެނގެން އޮންނާތީ، މިކަމަށް ބުރަދަން ދެވެން ނެތްކަމަށް ސިވިލް ކޯޓުން ނިންމި ނިންމުމަށް އަހުރެން ތާއީދުކުރަމެވެ.
އެހެންކަމުން، މި މައްސަލައިގައި އެގްރިމެންޓުގެ ދަށުން އަދާކުރަންޖެހޭ މައިގަނޑު އިލްތިޒާމް އަދާކުރެވިފައިނުވާ ސަބަބަށްޓަކައި މިއީ އެގްރިމެންޓުގެ ބާޠިލު ކުރެވިދާނެ ޙާލަތެއްކަން ދައުލަތް ވ. ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑް ގަޒިއްޔާއަށް ބެލުމުން އެނގެން އޮވެއެވެ.
ވުމާއެކު، ހައިކޯޓުގެ ނަންބަރު 2017/HC-A/142 ގަޒިއްޔާގައި ކަނޑައެޅިފައިވާ މުއްދަތަށް ޢިމާރާތް ނުނިމުމަކީ އެއްބަސްވުން ބާޠިލުކުރެވޭނެ ޙާލަތެއް އުފަންކުރުވާ ކަމެއްނޫންކަމަށް ކަނޑައަޅާފައިވަނީ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށްކަމަށް އަހުރެން ނުދެކެމެވެ.
ޢިމާރާތް އަގުކުރުން
މިހާތަނަށް އަންނައިރު، މި މައްސަލައިގައިވާ އެގްރިމެންޓާ މުޙައްމަދު ޢަބްދުﷲ ޚިލާފުވެފައިވާތީ، މި އެގްރިމެންޓު ނިމުމަކަށް ގެންނަންޖެހޭކަމުގައި ނުވަތަ ބާޠިލުކަމަށް ކަނޑައަޅައިދެވިދާނެކަމަށް އަހުރެން ދެކެމެވެ. މިއީ ސިވިލް ކޯޓުންވެސް މި މައްސަލައިގައި ކަނޑައެޅި ގޮތެވެ.
ސިވިލް ކޯޓުގެ ނިންމުން ހައިކޯޓުގައި އިސްތިއުނާފުކުރީ މުޙައްމަދު ޢަބްދުﷲގެ ފަރާތުންނެވެ. އެ ކޯޓަށް ހުށަހެޅި އިސްތިއުނާފީ ނުކުތާތަކުގެ ތެރެއިން، ހ. ފެއަރީގައި މިހާރު ހުރި ޢިމާރާތް އަގުކޮށް ޝަރުޢީ އަގު ކޮމިޓީގެ ރިޕޯޓަށް ސިވިލް ކޯޓުން ބަރޯސާވެފައިވަނީ މުޙައްމަދު ޢަބްދުﷲގެ ބަހެއްނެތިކަމަށް ހައިކޯޓުގައި އޭނާގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.
ނަމަވެސް ހައިކޯޓަށް މި މައްސަލައިގައި ފެނުނީ އެގްރިމެންޓު ބާޠިލުނުކޮށް ދަމަހައްޓަން ކަމުގައިވާތީ، އެ ކޯޓުން ނިންމީ، އަގު ކޮމިޓީ ރިޕޯޓާމެދު އިތުރު ގޮތެއް ކަނޑައަޅާނެ ތަނެއް ނެތްކަމަށެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މައްސަލަ އިސްތިއުނާފުކޮށްފައިވަނީ އަޙްމަދު މުޙައްމަދު ކަމުގައިވާއިރު، އަގު ކޮމިޓީގެ ރިޕޯޓާމެދު މިހާރު ބަލަމުންދާ މައްސަލައިގައި އިސްތިއުނާފީ ނުކުތާއެއް ހިމެނިފައިނުވެއެވެ.
މައްސަލައިގެ ދެފަރާތަށްވެސް އަގު ކޮމިޓީގެ ރިޕޯޓާ މެދު ސުޕްރީމް ކޯޓުގައި ސުވާލުކުރުމުން އެނގިގެން ދިޔައީ، އެ ރިޕޯޓުގައި ހ. ފެއަރީގައި ހުރި ޢިމާރާތުގެ އަގުކަމަށް ކަނޑައަޅާފައިވާ ޢަދަދުތަކާމެދު ސިވިލް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ވާހަކަ ދެއްކުމުގެ ފުރުސަތު މައްސަލައިގެ ދެފަރާތަށްވެސް ދެވިފައިނުވާކަމެވެ. އަދި މައްސަލައިގައި ޙުކުމްކުރުމުގެ ކުރިއަށް އެ ރިޕޯޓު މައްސަލައިގެ ދެފަރާތާ ހިއްސާވެސް ކޮށްފައިނުވާކަމެވެ. މީގެ އިތުރުން، ސިވިލް ކޯޓުގައި ދަޢުވާކުރީ އަޙްމަދު މުޙައްމަދު ކަމުގައިވާއިރު، އެގްރިމެންޓު ބާޠިލުކަމަށް ކަނޑައަޅައިދިނުމަށް އަޙްމަދު މުޙައްމަދުގެ ފަރާތުން އެދުނުކަމުގައިވީނަމަވެސް، ޝަރުޢީ އަގު ކޮމިޓީ މެދުވެރިކޮށް ތަން އަގުކޮށް ދިނުމަށް މައްސަލައިގެ އެއްވެސް ފަރާތަކުން އެދިފައިނުވެއެވެ.
އެގްރިމެންޓެއް ބާޠިލުކަމަށް ކަނޑައަޅާ ހާލަތުގައި އެ މައްސަލައިގެ ތެރެއިން ގެއްލުމުގެ ބަދަލު ނަގައިދިނުމަށް އެއިރު ޢަމަލުކުރަމުން ދިޔަ ގޮތުން ހުރަހެއްނެތެވެ. ނަމަވެސް، މިފަދަ ހާލަތްތަކުގައި މައްސަލައިގެ ޚަޞްމުންނަށް އެމީހުންގެ ނަޒަރުގައި ލިބުނު ގެއްލުމަކީ ކޮބައިކަން ބަޔާންކޮށްދީ، އެކަމާ ގުޅޭ ހެކި ހުށަހަޅަން ބޭނުންވާނަމަ ހުށަހެޅުމަށް ފުރުސަތު ދެވެންވާނެއެވެ.
ސިވިލް ކޯޓުގެ އަގު ކޮމިޓީގެ ރިޕޯޓަށް ބަލާއިރު، ކުރެހުމާ އެއްގޮތަށް ކޮށްފައިވާ މަސައްކަތުގެ އަގު ބަޔާންކޮށްފައިވެއެވެ. ނަމަވެސް، މަސައްކަތުގެ އަގު ހިސާބުކުރެވުނު ގޮތަކީ ކޮބައިކަމެއް ރިޕޯޓުން އެނގޭކަށްނެތެވެ. އަދި އެ އަދަދަށް ވާސިލުވިގޮތެއް ބަޔާންކުރެވިފައިނުވެއެވެ. އަގު ކޮމެޓީގެ ރިޕޯޓާމެދު މުޙައްމަދު ޢަބްދުﷲގެ ފަރާތުން ހައިކޯޓުގައި ސުވާލު އުފައްދާފައިވާއިރު، އަދި މި ރިޕޯޓާ ގުޅިގެން ސިވިލް ކޯޓުގައި ބަސްބުނުމުގެ ފުރުޞަތު މައްސަލައިގެ އެއްވެސް ފަރާތަކަށް ދީފައިވާކަން އެނގެން ނެތްއިރު، އަގުކޮމިޓީގެ ރިޕޯޓަށް ބަރޯސާވެ، އެ ގޯތީގައި މުޙައްމަދު ޢަބްދުﷲ ކޮށްފައިވާ މަސައްކަތުގެ އަގުކަމަށް ކަނޑައަޅާފައިވާ 2,765,917/62ރ. (ދެމިލިއަން ހަތްލައްކަ ފަސްދޮޅަސް ފަސްހާސް ނުވަސަތޭކަ ސަތާރަ ރުފިޔާ ފަސްދޮޅަސް ދެލާރި) އަކީ ގެއްލުމުގެ ބަދަލުގެ ގޮތުގައި މުޙައްމަދު ޢަބްދުﷲއަށް ލިބެންޖެހޭ އަދަދެއްކަމަށް ސިވިލް ކޯޓުގެ ނަންބަރު 1187/Cv-C/2016 ގަޒިއްޔާގައި ކަނޑައަޅާފައިވާ ކަނޑައެޅުން ބާޠިލުކުރަންޖެހޭކަމުގައި އަހުރެން ދެކެމެވެ. އަދި މި މައްސަލައިގެ ގެއްލުމުގެ ބަދަލާގުޅޭ ވަކި ދަޢުވާއެއް މައްސަލައިގެ އެއްވެސް ފަރާތަކުންކުރަން އެދޭނަމަ، އެފަދަ ދަޢުވާއެއް ކުރުމަށް މި ގަޒިއްޔާ ހުރަހެއް ނާޅައެވެ.
އެހެންކަމުން، ބަޔާންވެދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމުން، ހައިކޯޓުގެ ނަންބަރު 2017/HC-A/142 ގަޒިއްޔާގައި ކޮށްފައިވާ ޙުކުމަކީ ބާޠިލުކުރަންޖެހޭ ޙުކުމެއްކަމުގައި އަހުރެންދެކެމެވެ. އަދި ސިވިލް ކޯޓުގެ ނަންބަރު 1187/Cv-C/2016 ގަޒިއްޔާގައި އަޙްމަދު މުޙައްމަދުއާއި މުޙައްމަދު ޢަބްދުﷲއާ ދެމެދުވި "ޢިމާރާތްކުރުމާއި، ޢިމާރާތް ކުއްޔަށްހިފުމުގެ އެގްރިމެންޓް" އާ މުޙައްމަދު ޢަބްދުﷲ ޚިލާފުވެފައިވާތީ، އެ އެގްރިމެންޓް ބާޠިލުކަމަށް ކަނޑައެޅި ކަނޑައެޅުމަށް ތާއީދުކުރިނަމަވެސް، އެ ގަޒިއްޔާގައި މުޙައްމަދު ޢަބްދުﷲއަށް ގެއްލުމުގެ ބަދަލު ނަގައިދީފައިވާ ގޮތް ބާޠިލުކުރަންޖެހޭކަމުގައި އަހުރެންދެކެމެވެ.
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު
މި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު
މި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމާއެކު،
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/142 ގަޒިއްޔާގައި ކޮށްފައިވާ ޙުކުމަކީ ޤާނޫނީ އުސޫލުތަކާ އެއްގޮތަށް ކޮށްފައިވާ ޙުކުމެއް ނޫންކަމުން، އެ ޙުކުމް ބާޠިލުކަމަށް ކަނޑައަޅައި،
ސިވިލް ކޯޓުގެ ނަންބަރު 1187/Cv-C/2016 ގަޒިއްޔާގައި އަޙްމަދު މުޙައްމަދުއާއި މުޙައްމަދު ޢަބްދުﷲއާ ދެމެދުވި "ޢިމާރާތްކުރުމާއި، ޢިމާރާތް ކުއްޔަށްހިފުމުގެ އެގްރިމެންޓް" އާ މުޙައްމަދު ޢަބްދުﷲ ޚިލާފުވެފައިވާތީ، އެ އެގްރިމެންޓް ބާޠިލުކަމަށް ކަނޑައެޅި ކަނޑައެޅުމަށް ތާއީދުކޮށް،
ސިވިލް ކޯޓުގެ ނަންބަރު 1187/Cv-C/2016 ގަޒިއްޔާގައި ހ. ފެއަރީގައި ކޮށްފައިވާ މަސައްކަތުގެ އަގަކީ 2,765,917/62ރ. (ދެމިލިއަން ހަތްލައްކަ ފަސްދޮޅަސް ފަސްހާސް ނުވަސަތޭކަ ސަތާރަ ރުފިޔާ ފަސްދޮޅަސް ދެލާރި) ކަމަށް ކަނޑައަޅާފައި އޮތް އޮތުން ބާޠިލުކަމަށް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، ޙުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ޢާއިޝާ ޝުޖޫން މުޙައްމަދުއަޒްމިރާލްދާ ޒާހިރުޙުސްނުއްސުޢޫދު(ރިޔާސަތު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.