ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2022] SC 56 · 2021/SC-A/69ސުޕްރީމް ކޯޓު · 18 ސެޕްޓެމްބަރު 2022

ޝަރޫ ލޯންޗް ސަރވިސް ޕްރައިވެޓް ލިމިޓެޑް އަދި އިތުރު 3 ފަރާތެއް ވ. ފެނަކަ ކޯޕަރޭޝަން ލިމިޓެޑް

ސުޕްރީމް ކޯޓު
1 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 18 ސެޕްޓެމްބަރު 2022ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރޫ ލޯންޗް ސަރވިސް ޕްރައިވެޓް ލިމިޓެޑް އަދި އިތުރު 3 ފަރާތް ވ. ފެނަކަ ކޯޕަރޭޝަން ލިމިޓެޑް

ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ތާއީދު ކުރައްވާފައި)

ތައާރަފް

ކުންފުންޏަކީ ޣައިރު ތަބީއީ ޝަޚުސަކަށް ވާތީވެ، އެއީ މާއްދީ ސިފައެއް ލިބިގެން ވުޖޫދުވާ ފަރާތެއް ނޫނެވެ. ކުންފުނީގެ ވަކި ގާނޫނީ ޝަޚުސު ވުޖޫދުވެގެންވަނީ ޚިޔާލީ ސިފައެއްގައި ގާނޫނުގެ ފިކުރުގައެވެ. ގާނޫނުގައިވާ ގޮތުގެ މަތިން ކުންފުންޏެއް ރަޖިސްޓަރީ ވުމާއެކު އެ ކުންފުންޏަކީ ކުންފުނީގެ ހިއްސާދާރުންނާ މުޅިން ވަކިން، ވަކި ފަރުދާއެއްގެ ތެރޭގައި އުފެދޭ ގާނޫނީ ޝަޚުސެކެވެ. ކުންފުންޏާއި ކުންފުނީގެ ހިއްސާދާރުންނާ ދެމެދުގައި ފަރުދާއެއް ދަމާލުމުގެ މަގްސަދަކީ ކުންފުންޏާއި ކުންފުނީގެ ހިއްސާދާރުންގެ ޒިއްމާތަކާއި، ދަރަންޏާއި، މުދަލާއި، ހައިސިއްޔަތާއި، ކުރާ އަމަލުތަކާއި ހައްގުތައް މުޅިން ވަކިކުރުމެވެ. ކުންފުނި ރަޖިސްޓަރީވެ ވުޖޫދަށް އައުމާއެކު، އެހިނދުން ފެށިގެން އެކުންފުނި އުފެއްދި މީހުން ގާނޫނުގެ ކުރިމަތީގައި ތަޖާހަލްވެ، ގާނޫނުގެ ކުރިމަތީގައި ވަކި ޝަޚްސެއްގެ ގޮތުގައި ހުއްޓި ހުންނާނީ ކުންފުންޏެވެ. މިއީ ކުންފުންޏާބެހޭ ގާނޫނު އެއްޗެއްގެ މައްޗަށް ބިނާވެފައިވާ މައިގަނޑު އަސާސް އެވެ.

ނަމަވެސް ކުންފުނި ރަޖިސްޓަރީވުމާ ގުޅިގެން ކުންފުންޏަށް ލިބޭ ކުންފުނީގެ ރަޖިސްޓަރީގެ ފަރުދާއަކީ މުތުލަގަށް ލިބިފައިވާ ނުވަތަ ނިގުޅައިނުގަނެވޭނެ އެއްޗެއް ނޫނެވެ. ކުންފުންޏަށް ލިބިގެންވާ ގާނޫނީ ޝަޚުސު އެއްފަރާތްކޮށް އެއްކިބާ ކުރެވިދާނެ އިސްތިސްނާއީ ހާލަތުތަކެއް ކުންފުންޏާބެހޭ ގާނޫނުގައި ކަނޑައަޅާފައި ވެއެވެ. އޭގެ ތެރެއިން އިސްތިސްނާ ހާލަތުތަކަކީ މަކަރާއި ހީލަތް ހެދުމަށާއި، ޚިޔާނާތްތެރި ވުމަށާއި އޮޅުވާލުމަށާއި، ގާނޫނާ ޚިލާފު މަގްސަދެއް ހާސިލުކުރުމަށްޓަކައި ކުންފުންޏަށް ލިބިގެންވާ ވަކި ގާނޫނީ ޝަޚުސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރާ ހާލަތުތަކެވެ. މިފަދަ އަމަލުތައް ކުރާމީހުން، ކުންފުންޏަށް ލިބިފައިވާ ޝަޚުސުގެ ނުވަތަ ކުންފުނީގެ ރަޖިސްޓަރީގެ ފަރުދާގެ ފުރަގަހުގައި ފިލައިތިބުމަށް ކުންފުންޏާބެހޭ ގާނޫނު ތަނެއް ނުދެއެވެ. އެފަދަ ހާލަތެއް ފެނިއްޖެ ނަމަ ކުންފުނީގެ ޝަޚުސުގެ ފަރުދާ އެއްފަރާތްކޮށް އެފަދަ އަމަލުތައް ކުރާ ޑިރެކްޓަރުން ޝަޚުސީގޮތުން ޒިއްމާކުރުވުމަށް ކުންފުންޏާބެހޭ ގާނޫނު ހުއްދަކުރެއެވެ.

މި އިސްތިއުނާފުގެ މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "ފެނަކަ" ކަމަށް ބުނެފައިވާ( އިން ޝަރިއަތުގައި އެދިފައިވަނީ ޝަރޫ ލޯންޗް ސަރވިސް ޕްރައިވެޓް ލިމިޓެޑް ( މީގެ ފަހުން "ޝަރޫ ލޯންޗް ސަރވިސް" ކަމަށް ބުނެފައިވާ) ކުންފުނީގެ ޝަޚުސުގެ ފަރުދާ އެއްފަރާތްކޮށް، މި މައްސަލައިގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އިން ޝަރޫ ލޯންޗް ސަރވިސްގެ މައްޗަށް ކުރާ ދައުވާގައި ހިމެނޭ ދަރަންޏަށް، އެ ކުންފުނީގެ ތިން ޑިރެކްޓަރުން ކަމުގައިވާ ޞަބާޙް އަޙްމަދު އާއި ޝަރުމީލާ ޒުބައިރު އާއި މުޙައްމަދު މުޝްތާޤު (މީގެ ފަހުން ޖުމްލަކޮށް "އިސްތިއުނާފުކުރާ ފަރާތްތައް" ނުވަތަ "ޑިރެކްޓަރުން" ކަމަށް ހަވާލާދީފައިވާ( ޝަޚުސީގޮތުން ޒިއްމާވާން ޖެހޭނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ.

ސުޕްރީމް ކޯޓުގެ މި ގަޒިއްޔާގައި އިސްތިއުނާފުކުރުމަށް ހުށަހެޅިފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ2018/HC-A/108 ނަންބަރު ގަޒިއްޔާ އެވެ.

މައްސަލައިގައި ކަން ހިނގާފައިވާ ގޮތުގެ ޚުލާސާ

ކުންފުނީގެ ހިންގުމުގެ އެކިއެކި ބޭނުންތަކަށް، ފެނަކައަށް ބޭނުންވާވަރަށް ބޭރުފައިސާ ގަންނަން ލިބުމުގައި ދަތިތަކެއް ހުރުމުން، އެކުންފުންޏަށް ބޭނުންވާ ޔޫއެސް ޑޮލަރު އެކިއެކި ފަރާތްތަކުން ގަންނަމުން ދިޔަކަމަށް ފެނަކައިން ބުނެފައި ވެއެވެ. މި ގޮތުން ޑޮލަރު ގަތުމުގައި އަމަލުކުރާ ގޮތަކީ، ޑޮލަރު ވިއްކާ ފަރާތުން ފެނަކަ ކުންފުނީގެ އެކައުންޓަށް ޔޫއެސް ޑޮލަރު ޖަމާކުރުމުން، ޔޫއެސް ޑޮލަރުގެ އެ އަދަދަށްވާ ދިވެހި ރުފިޔާ، ވިއްކާ ފަރާތަށް ދިނުން ކަމަށް ވެސް ފެނަކައިން ބުނެފައި ވެއެވެ. ނަމަވެސް 2016 މެއި 26 ވަނަ ދުވަހު ބޭއްވުނު ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކުރި ގަރާރުން އެ އުސޫލު ބަދަލުކޮށް، ޔޫއެސް ޑޮލަރު ގަތުމުގެ މުއާމަލާތް ހިންގާއިރު، ވިއްކާ ފަރާތުން ދޫކުރާ ޔޫއެސް ޑޮލަރުގެ ޑޭޓަޑް ޗެކުތައް ބަލައިގަތުމަށާއި، ޑޭޓެޑް ޗެކުތަކަކީ، އެ ޗެކުތައް އިޝޫކުރާ ބޭންކެއްގެ "ބޭންކު ގެރެންޓީ" ޖަހާފައިވާ ޗެކުތަކެއް ކަމަށްވާނަމަ، އެފަދަ ޗެކުތައް ބަލައިގަނެ، ޑޮލަރު ވިއްކާ ފަރާތަށް އެ ޗެކުތަކުގައިވާ އަދަދަށްވާ ދިވެހި ރުފިޔާ ދޭ އުސޫލުން ބޭރު ފައިސާ ގަތުމަށް ނިންމާފައިވާ ކަމަށް ފެނަކައިން ބުނެފައި ވެއެވެ.

މި ބަޔާންކުރެވުނު ގޮތަށް، ޔޫއެސް ޑޮލަރު ގަތުމަށް ފެނަކަ އިން 17,857,979.10 ރުފިޔާ ޝަރޫ ލޯންޗް ސަރވިސް ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކުރިއެވެ. މިފައިސާ ފެނަކައިން ޝަރޫ ލޯންޗް ސަރވިސްއާ ހަވާލުކުރީ ތިން ޗެކެއްގެ ޒަރީއާއިންނެވެ. އަދި މި ފައިސާ މި ބޭނުމަށްޓަކައި ލިބިފައިވާ ކަމަށް ޝަރޫ ލޯންޗް ސަރވިސް އިން ޝަރިއަތުގައި އެއްބަސްވެފައި ވެއެވެ.

މި ބަޔާންކުރެވުނު 17,857,979.10 ރުފިޔާ އަށްވާ 1,158,105.00 ޔޫއެސް ޑޮލަރު ދޭނެ ކަމުގެ ޔަގީން ކަމެއްގެ ގޮތުން، ޝަރޫ ލޯންޗް ސަރވިސްއިން މޮރިޝަސް ކޮމާޝަލް ބޭންކު (މީގެ ފަހުން "އެމްސީބީ" ކަމަށް ބުނެފައިވާ) ގައި ހުޅުވާފައިވާ ނަންބަރު 04391 ޔޫއެސް ޑޮލަރު އެކައުންޓަކުން 3 ޑޭޓެޑް ޗެކު ފެނަކައަށް ދޫކޮށްފައި ވެއެވެ. އެ ޗެކުތަކުގައި އެމްސީބީގެ ބޭންކު ގަރަންޓީ ތައްގަނޑު ޖަހާފައި ވެއެވެ.

ޔޫއެސް ޑޮލަރު ލިބޭނެ ކަމުގެ ޔަގީން ކަމެއްގެ ގޮތުން ޝަރޫ ލޯންޗް ސަރވިސްއިން ފެނަކައަށް ދިން އެމްސީބީގެ 3 ޗެކު އެ ބޭންކަށް ހުށަހެޅުމުން އެ އަދަދަށްވާ ފައިސާ ޝަރޫ ލޯންޗް ސަރވިސްގެ އެކައުންޓުގައި ނެތުމުގެ ސަބަބުން ވިއްކަން އެއްބަސްވި ޑޮލަރު ފެނަކައަށް ލިބިފައި ނުވާތީ އަދި ޑޮލަރު ގަތުމަށް ޝަރޫ ލޯންޗް ސަރވިސްއާ ހަވާލުކުރި ރުފިޔާ އަނބުރާ ދެއްކުމަށް އެންގުމުން އެ ފައިސާވެސް އަނބުރާ ދީފައި ނުވާތީ، އެ މުއާމަލާތް ބާތިލުކޮށް އެފައިސާ ފެނަކަ އަށް ހޯދައިދިނުމަށާއި، އޭގެ އިތުރުން، ޝަރޫ ލޯންޗް ސަރވިސްގެ 3 ޑިރެކްޓަރުން އެ ކުންފުނީގެ ގާނޫނީ ޝަހުސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަމަށް ބަޔާންކޮށް މި ފައިސާއަށް އެ ފަރާތްތަކުން ޝަޚުސީ ގޮތުން ޒިންމާވާންޖެހޭ ކަމަށް ކަނޑައަޅައި ދިނުން އެދި ފެނަކައިން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ. ޝަރޫ ލޯންޗް ސަރވިސްގެ 3 ޑިރެކްޓަރުން މަކަރާއި ހީލަތް ހަދައި އެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާ ކަމަށް ފެނަކައިން ކޯޓަށް ހުށަހެޅި ދައުވާގައި ބުނެފައިވެއެވެ.

މައްސަލައިގައި ކަން ހިނގާފައިވާ ގޮތުގެ ތަފްސީލު

ފެނަކައަށް ބޭނުންވާ 1,158,105.0 US$ ހޯދުމުގެ މުއާމަލާތާއި ގުޅޭގޮތުން، ފެނަކަ ކޯޕަރޭޝަން ލިމޓެޑުގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ނިމާލު، ޝަރޫ ލޯންޗް ސަރވިސްގެ ޑިރެކްޓަރެއް ކަމަށްވާ ޞަބާޙް އަޙްމަދުއާ މުއާމަލާތް ކޮށްފައިވާ ކަމަށް ފެނަކައިން ބުނެފައި ވެއެވެ. އެ މުއާމަލާތާ ގުޅޭގޮތުން ކުންފުނިން އަމަލުކުރަންވީ ގޮތުގެ އިރުޝާދު މުޙައްމަދު ނިމާލު އޭރުގެ ފެނަކައިގެ ފައިސާއާބެހޭ ބައިގެ ޑިރެކްޓަރު މިންހާޖު ވަހީދުއަށް ދީފައިވެއެވެ. ކުންފުނީގައި އޭރުގެ ކަންކަން ހުރިގޮތުން މިގޮތަށް ކުރެވޭ ޔޫއެސް ޑޮލަރުގެ މުއާމަލާތްތަކާ ގުޅޭގޮތުން ލިޔެކިޔުމުން އެއްބަސްވުމެއް ހެދިފައިނުވާ ކަމަށާއި، ލިޔެކިޔުމުން އެއްބަސްވުމުގެ ބަދަލުގައި ޔޫއެސް ޑޮލަރު ވިއްކާ ފަރާތާ ދެމެދު އަނގަބަހުން އެއްބަސްވެވިގެން މުއާމަލާތް ކުރިއަށް ގެންގޮސްފައިވާނޭ ކަމަށާއި، އެގޮތުން ޝަރޫ ލޯންޗް ސަރވިސްއާ އެކު ވެފައިވަނީ ވެސް އަނގަބަހުން ވެފައިވާ އެއްބަސްވުމެއް ކަމަށާއި، އަދި ދެ ފަރާތުގެ ދެމެދުގައި އަނގަބުން ވެފައިވާ އެއްބަސްވުމާ އެއްގޮތަށް، ފެނަކައިގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ 7701701278001 އެކައުންޓުން 2016 ޖޫން 02 ވަނަ ދުވަހު ޝަރޫ ލޯންޗް ސަރވިސްއަށް 5,999,999.10 ނެގޭގޮތަށް 007266 ނަންބަރު ޗެކު ދޫކުރުމުން، އެ ޗެކުގައިވާ ތާރީޚުގައި ޝަރޫ ލޯންޗް ސަރވިސްގެ އެކައުންޓަށް އެ ރުފިޔާ ޖަމާވެފައިވާ ކަމަށް ފެނަކައިން ބުނެފައި ވެއެވެ. ޝަރޫ ލޯންޗް ސަރވިސްގެ އެކައުންޓަށް އެ އަދަދަށް ރުފިޔާ ޖަމާވުމުން، ޝަރޫ ލޯންޗް ސަރވިސްގެ ނަމުގައި އެމްސީބީގައިވާ ނަންބަރު 04391 އެކައުންޓުން 2016 ޖުލައި 02 ވަނަ ދުވަހު USD $389,105.00 ނެގޭގޮތަށް ޝަރޫ ލޯންޗް ސަރވިސްގެ ނަންބަރު 0661281 ޗެކު (ޗެކު ނަންބަރު 01) ފެނަކައާ ހަވާލުކޮށްފައި ވެއެވެ.

ފެނަކައިގެ ނަމުގައި ބޭންކު އޮފް މޯލްޑިވްސްގައިވާ 7701701278001 އެކައުންޓުން 4,626,000.00 ރުފިޔާ ނެގޭ ގޮތަށް، ޝަރޫ ލޯންޗް ސަރވިސްއަށް ނަންބަރު 007328 ޗެކު ފެނަކައިން ދޫކުރުމުން، އެ ޗެކު ޝަރޫ ލޯންޗު ސަރވިސްގެ އެކައުންޓަށް ޖަމާކުރުމަށްފަހު، ޝަރޫ ލޯންޗް ސަރވިސްގެ ނަމުގައި އެމްސީބީގައިވާ ކުރިން ބަޔާންކުރި އެކައުންޓުން 2016 ޖުލައި 09 ވަނަ ދުވަހު USD $300,000.00 ނެގޭގޮތަށް ނަންބަރު 00661282 ޗެކު (ޗެކު ނަންބަރު 02)، ޝަރޫ ލޯންޗް ސަރވިސްއިން ފެނަކައަށް ދީފައި ވެއެވެ.

އަދި އޭގެ ފަހުން، ފެނަކައިގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައިވާ ނަންބަރު 7701701278001 އެކައުންޓުން 7,231,980.00 ރުފިޔާ ފެނަކައިން ޝަރޫ ލޯންޗް ސަރވިސްއަށް ދިނުމަށް ނަންބަރު 007469 ޗެކު ދޫކުރުމުން، އެ ޗެކުގައިވާ ފައިސާ ޝަރޫ ލޯންޗް ސަރވިސްގެ އެކައުންޓަށް ޖަމާކުރުމަށްފަހު ޝަރޫ ލޯންޗް ސަރވިސްގެ ނަމުގައި އެމްސީބީގައި ހުޅުވާފައިވާ ނަންބަރ 04391 އެކައުންޓުން USD $496,000.00 2016 ޖުލައި 22 ގައި ނެގޭ ގޮތަށް 0661283 ނަންބަރު ޗެކު (ޗެކު ނަންބަރު 03) ޝަރޫ ލޯންޗު ސަރވިސްއިން ފެނަކައަށް ދީފައިވެއެވެ.

ޝަރޫ ލޯންޗް ސަރވިސްއިން ފެނަކައަށް ދޫކޮށްފައިވާ 03 ޗެކުވެސް، އެ ޗެކުތަކުގައިވާ ތާރީޚުތަކުގައި ބޭންކަށް ހުށަހެޅުމުން، ފައިސާ ލިބޭގޮތް ނުވެ، ބޭންކުން އެ ޗެކުތައް އަނބުރާ ރައްދުކުރިއިރު ދިން ލިޔުމުގައި ޖަހާފައިވަނީ “PRESENT AGAIN” ކަމަށާއި، އަދި ޗެކުތަކަށް ފައިސާ ނުލިބުމުން، ފެނަކައިން ޝަރޫ ލޯންޗް ސަރވިސްގެ ޑިރެކްޓަރެއް ކަމަށްވާ ޞަބާޙް އަޙްމަދާ އެކިފަހަރު މަތިން މުއާމަލާތްކޮށްގެން ވެސް ޗެކުތަކުގައި ބަޔާންކޮށްފައިވާ ޔޫއެސް ޑޮލަރު ލިބޭގޮތް ނުވިކަމަށް ފެނަކައިން ބުނެފައި ވެއެވެ. އެގޮތުން ކުރެވުނު މުއާމަލާތްތަކުގައި ޗެކުތަކަށް ފައިސާ ނުލިބި ލަސްވަނީ، ޝަރޫ ލޯންޗް ސަރވިސްއަށް ލިބެންޖެހޭ ޔޫއެސް ޑޮލަރުގެ ޕޭމަންޓުތަކެއްގެ ތާށިކަން ހުރުމުން ކަމަށާއި، އެ ޕޭމަންޓުތައް ވަރަށް އަވަހަށް ލިބޭނެ ކަމަށާއި، ލިބުމުން ޔޫއެސް ޑޮލަރު ދޭނެކަމަށް ޞަބާޙް އަހްމަދު ބުނެފައިވާކަމަށް ފެނަކައިން ބުނެފައި ވެއެވެ.

ފެނަކައިން ޔޫއެސް ޑޮލަރު ގަތުމަށްޓަކައި ޝަރޫ ލޯންޗް ސަރވިސްއަށް ދޫކޮށްފައިވާ ދިވެހި ރުފިޔާ އަނބުރާ ފެނަކައަށް ދިނުމުގެ ގޮތުން، އެމްސީބީގައި ޝަރޫ ލޯންޗުން ހުޅުވާފައިވާ ނަންބަރ 030171 އެކައުންޓުން 3 ޗެކެއް ހަދައި އެ ފައިސާ ފެނަކައަށް އަނބުރާ ދެއްކުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް މެޝިނުން ފެނަކައިގެ އެކައުންޓަށް އެފައިސާ ޖަމާކޮށްފި ކަމަށް ހީލަތްތެރިގޮތުގައި ދައްކައިގެން، އެ ކުންފުނިން ކުރިން ފެނަކައަށް ދޫކޮށްފައިވާ ޑޮލަރު އެކައުންޓުގެ 3 ޗެކު އަނބުރާ ހޯދުމަށް މަސައްކަތްކޮށްފައިވާ ކަމަށް ފެނަކައިން ބުނެފައި ވެއެވެ. އެގޮތުން 2016 ޖުލައި 24 ވަނަ ދުވަހު ޝަރޫ ލޯންޗް ސަރވިސް ޕްރައިވެޓް ލިމިޓެޑުން ފޮނުވި ނަންބަރު SLS-LT/2016/06 ސިޓީގައި، ފެނަކައިގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަށް ޝަރޫ ލޯންޗް ސަރވިސްއިން ފެނަކައަށް ދޭންޖެހޭ ފައިސާ އަނބުރާ ދިނުމުގެ ގޮތުން ދިވެހި ރުފިޔާގެ 03 ޗެކު 21 ޖުލައި 2016 ގައި ޖަމާކޮށްފައިވާނޭ ކަމަށާއި، އެހެންކަމުން ކުރިން ބޭންކުން ރައްދުކޮށްފައިވާ ޔޫއެސް ޑޮލަރު ޗެކުތައް އަނބުރާ ދިނުމަށް އެދޭކަމަށް ބުނެފައި ވެއެވެ. ނަމަވެސް އެ ރުފިޔާ ޗެކުތަކުގައިވާ އަދަދަށް ޝަރޫ ލޯންޗް ސަރވިސްގެ އެކައުންޓުގައި ފައިސާ ނެތުމުން އެ ޗެކުތައް ވެސް ބޭންކުން އަނބުރާ ރައްދުކޮށްފައިވަނީ “PRESENT AGAIN” ޖެހުމަށްފަހުގަ އެވެ.

ފެނަކައަށް ލިބެންޖެހޭ ޔޫއެސް ޑޮލަރު ލިބިފައި ނުވާތީ، އެ ފައިސާ ހޯދުމުގެ ގޮތުން، ޝަރޫ ލޯންޗް ސަރވިސްއާ އެކު އިތުރަށް ކުރެވުނު މުއާމަލާތުގައި އެ ކުންފުނިން ފެނަކައިގެ އެކައުންޓަށް ޖަމާކުރި ދިވެހި ރުފިޔާގެ ޗެކުތަކަށް ފައިސާ ލިބިފައި ނުވާތީ، އެ ފައިސާ ދެއްކުމަށް އިތުރު ފުރުސަތެއް ދީފިނަމަ 2016 އޯގަސްޓް 07 ވަނަ ދުވަހު ބޭންކުން އެ ޗެކުތަކަށް ފައިސާ ލިބޭނެކަމުގެ ޔަގީންކަންދީ، 2016 ޖުލައި 31 ވަނަ ދުވަހު ޝަރޫ ލޯންޗް ސަރވިސްގެ ނަންބަރު SLS-LT/2016/09 ސިޓީ ފެނަކައަށް ފޮނުވިއެވެ. އަދި 2016 އޯގަސްޓް 03 ވަނަ ދުވަހު ފެނަކައިގެ މައި އޮފީހުގައި ޝަރޫ ލޯންޗް ސަރވިސްގެ މެނޭޖިންގެ ޑިރެކްޓަރ ޞަބާޙް އަޙްމަދުއާ އެކު ބޭއްވުނު ބައްދަލުވުމުގައި ވެސް އިސްވެ ބަޔާންކުރި ސިޓީގައި ބަޔާންކޮށްފައިވާ ފަދައިން 2016 އޯގަސްޓް 07 ވަނަ ދުވަހުގެ ކުރިން ފައިސާ އެއްކޮށް ދައްކައި ޚަލާސްކުރާނެކަމަށް ޞަބާޙް އަހްމަދު ބުނެފައިވެއެވެ.

ޔޫއެސް ޑޮލަރު ލިބޭނެ ކަމުގެ ޔަގީން ކަމެއްގެ ގޮތުން ޝަރޫ ލޯންޗް ސަރވިސްއިން ދިން އެމްސީބީގެ ބޭންކް ގެރަންޓީ ތައްގަނޑު ޖަހާފައިވާ 3 ޗެކު އެ ބޭންކަށް ހުށަހެޅުމުން އެ އަދަދަށްވާ ފައިސާ އެ އެކައުންޓުގައި ނެތުމުގެ ސަބަބުން އެކުންފުނިން ވިއްކަން އެއްބަސްވި ޑޮލަރު ލިބިފައި ނުވެއެވެ. އަދި ޑޮލަރު ގަތުމަށް ޝަރޫ ލޯންޗް ސަރވިސްއާ ހަވާލުކުރި ރުފިޔާ އަނބުރާ ދެއްކުމަށް އެންގުމުން އެ ފައިސާ ވެސް ދީފައި ނުވެއެވެ.

މި މައްސަލަ، މަކަރާ ހީލަތުގެ މައްސަލައެއްގެ ގޮތުގައި މޯލްޑިވްސް ޕޮލިސް ސަރވިސް އިން ތަހުގީގުކޮށްފައި ވެއެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަހުގީގު ރިޕޯޓުގައި ބަޔާންކޮށްފައިވަނީ ޝަރޫ ލޯންޗް ސަރވިސްއިން ދޫކޮށްފައިވާ މޮރިޝަސް ކޮމާޝަލް ބޭންކުގެ ނަންބަރު 04391 އެކައުންޓުގެ ނަންބަރ 0661281 ޗެކާއި، ނަމްބަރު 0661282 ޗެކު އަދި ނަމްބަރު 0661283 ޗެކު ފެނަކައަށް ދޫކުރިއިރު ވެސް، އެ އެކައުންޓުގައި ޗެކުތަކުގައިވާ އަދަދަށް ފައިސާ ނެތްކަމާއި އަދި އެ ޗެކުތަކުގައިވާ ތާރީޚުތަކުގައިވެސް އެ އެކައުންޓުގައި، އެޗެކުތަކުގައިވާ އަދަދަށް ފައިސާ ނެތުމުން މިކަމަކީ ހީލަތްތެރި ގޮތެއްގައި މަންފާއެއް ހޯދުމަށް ކޮށްފައިވާ ކަމެއްކަމަށް ފުލުހުންގެ ތަހުގީގަށް ފެންނަ ކަމަށެވެ. އަދި މީގެ އިތުރުން ފެނަކައަށް ތިން ޕޭމަންޓަކުން ފައިސާ ހަވާލުކުރިކަމަށް ދެއްކުމުގެ ގޮތުން ހ. މުށިމަސް، ޙަސަން ނިޔާޒްއަކީ ފެނަކައިގެ މުވައްޒަފެއްގެ ގޮތުގައި ދައްކައި އޭނާ ލައްވައި ޝަރޫ ލޯންޗް ސަރވިސްގެ 03 ޕޭމަންޓް ވައުޗަރުގައި ސޮއިކުރުވާފައިވަނީ ޝަރޫ ލޯންޗް ސަރވިސްއިން މައްސަލައިގެ ހަގީގަތް އޮޅުވާލުމަށް ކަމަށްވެސް ފުލުހުންގެ ތަހުގީގު ރިޕޯޓުގައި ބުނެފައި ވެއެވެ. އަދި މި މައްސަލައިގައި ފެނަކައިން، ޝަރޫ ލޯންޗް ސަރވިސްއާ ދެމެދު ކޮށްފައިވާ ޔޫއެސް ޑޮލަރުގެ މުއާމަލާތާ ގުޅިގެން ޝަރޫ ލޯންޗް ސަރވިސްއަށް ދޫކޮށްފައިވާ ޗެކުތައް، އެ ޗެކުތައް ދޫކޮށްފައިވާ ތާރީޚުގައި ޝަރޫ ލޯންޗް ސަރވިސްގެ ބޭންކު އޮފް މޯލްޑިވްސް އެކައުންޓަށް ޖަމާކޮށް ހަމަ އެ ތާރީޚުގައި އެ ފައިސާ ޖަމާކުރި އެކައުންޓުން ނަގާފައިވާކަންވެސް ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުންގެ ތަހުގީގު ރިޕޯޓުގައި ބުނެފައިވެއެވެ. އަދި އިތުރަށް ތަހުގީގު ރިޕޯޓުގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބަޔާންކޮށްފައިވަނީ މި މައްސަލަ އެ ސަރވިސްއަށް ހުށަހެޅުނު އިރުވެސް، ޝަރޫ ލޯންޗް ސަރވިސްއިން ޑޮލަރު ވިއްކުމުގެ ނަމުގައި މަކަރާއި ހީލަތް ހަދާފައިވާކަމަށް ބުނެ އެހެން ދެ ފަރާތަކުންވެސް އެތަނަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.

ސިވިލް ކޯޓުގެ ހުކުމް

ސިވިލްކޯޓުން ހުކުމްކޮށްފައިވަނީ، މި މައްސަލައިގައި ހިމެނޭ 17,857,979.10 ރުފިޔާ އަކީ ޝަރޫ ލޯންޗް ސަރވިސްއިން ފެނަކައަށް ދޭންޖެހޭ ފައިސާއެއް ކަމަށާއި، 4 މަސްދުވަހުގެ ތެރޭގައި މިފައިސާ ދައްކައި ޚަލާސް ކުރުމަށެވެ. ނަމަވެސް، ދައުވާ ލިބޭ ޝަރޫ ލޯންޗް ސަރވިސްގެ 3 ޑިރެކްޓަރުންނަކީ ޝަޚުސީގޮތުން "މިކަމުގައި" އެއްވެސް ބައިވެރިވުމެއް އޮތްބައެއް ކަމުގެ ހެކި ދެއްކިފައި ނުވާތީ، ދައުވާގައި އެދިފައިވާ ގޮތުގެ މަތިން އެ ފަރާތްތަކުން ޝަޚުސީގޮތުން މި މުއާމަލާތުގެ އެއްވެސް ޒިންމާއެއް އުފުލަން އަންގާނެ ހަމައެއް ނެތް ކަމަށެވެ.

ހައިކޯޓުގެ ހުކުމް

ކުންފުނީގެ ޑިރެކްޓަރުން ޝަޚުސީގޮތުން މި މުއާމަލާތުގެ އެއްވެސް ޒިންމާއެއް އުފުލަން ނުޖެހޭނެ ކަމަށް ސިވިލް ކޯޓުން ނިންމި ނިންމުން ފެނަކައިން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. ހައިކޯޓުން ކަނޑައެޅީ މި މައްސަލައިގައި ކުންފުނީގެ ޝަޚުސުގެ ފަރުދާ ނަގަން ކޯޓަށް ލާޒިމުކުރާ ގާނޫނީ ސަބަބުތަކެއް އެބަހުރި ކަމަށާއި، އެ ސަބަބަށްޓަކައި ކުންފުނީގެ ޝަޚުސުގެ ފަރުދާ ނަގައި މި މައްސަލައިގައި ހިމެނޭ 17,857,979.10 ރުފިޔާ އަކީ ޝަރޫ ލޯންޗް ސަރވިސް ގެ ތިން ޑިރެކްޓަރުން ޝަޚުސީގޮތުން ފެނަކައަށް ދައްކަންޖެހޭ ދަރަންޏެއް ކަމަށެވެ.

ހައިކޯޓުގެ ހުކުމުގައި ބުނެފައިވަނީ، އާންމު އުސޫލަކީ ކުންފުނީގެ ހިއްސާދާރުން ކުންފުނީގެ ދަރަންޏަށް ޝަޚުސީގޮތުން ޒިންމާ އުފުލަން ނުޖެހުން ކަމުގައިވީ ނަމަވެސް ކުންފުންޏާބެހޭ ގާނޫނުގެ 74 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިސްތިސްނާ ހާލަތްތަކުގައި، އެ ކުންފުނީގެ ދަރަންޏަށް ނުވަތަ އެ ކުންފުނީގެ ނަމުގައި ކުރާ ކަންކަމަށް އެ ކުންފުނީގެ ޑިރެކްޓަރުން އަމިއްލަ ހައިސިއްޔަތުން ޒިންމާ އުފުލަންޖެހޭނެ ކަމަށެވެ. ކުންފުންޏާބެހޭ ގާނޫނުގެ 74 ވަނަ މާއްދާ އާއި ސުޕްރީމް ކޯޓުގެ ޢުމަރު ނަސީރު ވ. މުޙައްމަދު މުޞްޠަފާ ގަޒިއްޔާ އަށް ހަވާލާ ދެމުން ހައިކޯޓުން ބުނެފައިވަނީ: (1) ކުންފުންޏަށް ލިބިފައިވާ ޝަޚުސިއްޔަތު ގާނޫނާ ޚިލާފު ކަމެއް ކުރުމަށްޓަކައި ބޭނުންކޮށްފައިވާނަމަ، ނުވަތަ (2) ކުންފުންޏަށް ލިބިފައިވާ ޝަޚުސިއްޔަތު ބޭނުންކޮށްފައިވަނީ މަކަރާއި ހީލަތް ހެދުމަށް، ނުވަތަ (3) ހަގީގަތް އޮޅުވާލުމަށް ކަމަށް ޝައްކުކުރެވޭ މަގުބޫލު ސަބަބުތަތަކެއް ހުރެއްޖެ ނަމަ ކުންފުނީގެ ފަރުދާގެ ނިވައިފަތްގަނޑު އެއްފަރާތްކޮށް ކުންފުނީގެ ގާނޫނީ ޝަޚުސުގެ މަފްހޫމް ދޫކޮށް ހިއްސާދާރުން އެފަދަ ކަންކަމަށް ޒިއްމާކުރުވުމުގެ ބާރު ކޯޓަށް ލިބިގެންވާ ކަމަށެވެ.

މިގޮތުން ޝަރޫ ލޯންޗް ސަރވިސްއިން ދިން ޗެކުތަކުގައިވާ ތާރީޚުތަކަށާއި، އެ ޗެކުތައް ޖަމާކުރުމަށް ބޭންކަށް ފޮނުވި ތާރީޚުތަކަށާއި، ޗެކުތަކާ ގުޅިގެން ޝަރޫ ލޯންޗް ސަރވިސްއިން ފެނަކައަށް ފޮނުވި ސިޓީތަކުގައި ބަޔާންކޮށްފައިވާ ވާހަކަތަކަށް ބެލުމުން ބޭންކުން ދިން ލަފަޔާ އެއްގޮތަށް ފަހުން ޗެކު ހުށަހެޅިނަމަ ފައިސާ ލިބުމުގެ ފުރުސަތު އޮތްކަމަށް ޝަރޫ ލޯންޗުން ބުނިނަމަވެސް، އެ ހާލަތުގައިވެސް ޝަރޫ ލޯންޗް ސަރވިސްގެ އެކައުންޓުގައި ޗެކުތަކުގައިވާ ފައިސާ ނެތްކަން އެނގިހުރެ ފެނަކައަށް އޮޅުވާލުމުގެ ގޮތުން ގިނަ ކަންތައްތަކެއް ކޮށްފައިވާ ކަމާއި، އަދި ފައިސާ އެކައުންޓުން ލިބެން ނެތްކަން އެނގިތިބެ ޝަރޫ ލޯންޗް ސަރވިސް ގެ ފަރާތުން އެ ޑޮލަރު ޗެކުތައް އަނބުރާ ރައްދުކޮށް ދިނުމަށް އެދިފައިވަނީ އޮޅުވާލުމުގެ ގޮތުންކަން ސާފުކޮށް އެނގޭ ކަމަށް ހައިކޯޓުގެ ހުކުމުގައި ބަޔާންކޮށްފައި ވެއެވެ. އަދި ޝަރޫ ލޯންޗް ސަރވިސް އަކީ ބޭރު ފައިސާ ގަނެ ވިއްކުމުގެ ހުއްދަ ގާނޫނީ ގޮތުން އޮންނަ ފަރާތެއް ނޫންކަން އެ ކުންފުނި ހިންގުމުގައި އިސްކޮށް ތިބި ފަރާތްތަކަށް އެނގިތިބެ ގާނޫނީ ގޮތުން ހުއްދަނޫން މުއާމަލާތެއްގެ ތެރެއަށް ވަނުމުގެ ޒިންމާ އެކުންފުނީގެ އިސްފަރާތްތަކުން ގާނޫނީ ގޮތުން އުފުލަންޖެހޭނެ ކަމަށާއި، އެހެންކަމުން އެމުއާމަލާތާއި ގުޅިގެން އެކުންފުނީގެ ޑިރެކްޓަރުން ޝަޚުސީ ގޮތުން ޒިންމާ އުފުލަންޖެހޭ ކަމަށް ހައިކޯޓުގެ ހުކުމުގައި ކަނޑައަޅާފައި ވެއެވެ.

ޝަރޫ ލޯންޗު ސަރވިސް އިން ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފީ ނުކުތާތައް

ހައިކޯޓުގެ ނިންމުން އިސްތިއުނާފު ކުރުމަށްޓަކައި ޝަރޫ ލޯންޗް ސަރވިސްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ އަންނަނިވި ނުކުތާތަކެވެ.

(ހ) މުދާ ހޯދުމާއި މުދާ މިލްކު ކުރުމުގެ ހައްގަކީ ގާނޫނު އަސާސީގެ 40 ވަނަ މާއްދާގައި ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެއް ކަމާއި، މި ހައްގުގެ ތެރޭގައި ހިމެނިގެންވާ މުއާމަލާތްތަކުގެ ތެރެއިން ވިޔަފާރި އަކީ ފައިދާ އާއި ގެއްލުން އެކުލެވޭ ހަރަކާތެއް ކަމުގައިވެފައި ވިޔަފާރިއާމެދު މުސްތަގުބަލުގައި ކަންތައް ވެގެންދާނެ ގޮތެއް އެއްވެސް މީހަކަށް ޔަގީންކޮށް ނޭނގޭހިނދު، ޖިނާއީ ކުށެއް އެކުނުލެވޭ ވިޔަފާރިއެއް ނުވަތަ ގާނޫނާއި ޚިލާފް އަމަލެއް ހިމެނިފައިނުވާ ވިޔަފާރީގެ މުއާމަލާތެއްގައި، ޑިރެކްޓަރުން ޒިންމާވާން ޖެހޭނެ ކަމަށް ކުރި ހުކުމަކީ، ކުންފުނީގެ ފަރުދާ އެއްފަރާތް ކުރުމަށް ކުންފުންޏާ ބެހޭ ގާނޫނުގެ 74 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގާނޫނީ ހަމައާ ޚިލާފު ކަމެއް ކަމަށްވުން.

(ށ) ބޭންކުން ގެރެންޓީ ދީފައިވާ ޗެކަށް ފައިސާ ދެއްކުމަށް ޒިންމާވުމާއިމެދު ދަ މޮރިޝަސް ކޮމަރޝަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް ވ. ޝަރޫ ލޯންޗް ސަރވިސް ޕްރައިވެޓް ލިމިޓެޑް ގަޒިއްޔާ އާއި ދަ މޮރިޝަސް ކޮމަރޝަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް ވ. ޝަރޫ ލޯންޗް ސަރވިސް ޕްރައިވެޓް ލިމިޓެޑް މައްސަލާގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ގާނޫނީ އުސޫލުތަކަށް ރިއާޔަތް ނުކޮށް، އެ ހަމަތަކާ ޚިލާފަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 20 ވަނަ މާއްދާ އާއި ގާނޫނު އަސާސީގެ 143 ވަނަ މާއްދާއާ ޚިލާފަށް ހުކުމް ކޮށްފައި ވުން.

(ނ) ދިވެހިރާއްޖޭގެ ހައިކޯޓަށް ޝަރޫ ލޯންޗް ސާރވިސް އިން ހުށަހެޅުމުން އެކޯޓުން ބެލި2018/HC-A/303 މައްސަލާގައި، ސިވިލް ކޯޓުގެ ނަންބަރު87/Cv-C/2017 ގަޒިއްޔާގައި ސިވިލް ކޯޓުން ކޮށްފައިވާ ހުކުމަކީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ އެއްގޮތަށް ކޮށްފައިވާ ހުކުމެއްކަމަށާއި އެ ހުކުމަށް ބަދަލުގެންނަން ޖެހޭ ތަނެއް ނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައި ވާތީ، އިސްތިއުނާފު މިކުރެވޭ މައްސަލައިގައި ހިމެނޭ ސިވިލް ކޯޓުގެ ހުކުމަށް ބަދަލުގެންނަންޖެހޭ ކަމަށް ހައިކޯޓުން ކަނޑައެޅި ކަނޑައެޅުމަކީ ކޯޓުތަކުގެ ގާނޫނުގެ 20 ވަނަ މާއްދާއާއި ގާނޫނުއަސާސީގެ 143 ވަނަ މާއްދާއާ ޚިލާފު ކަމެއް ކަމުގައިވުން.

ދެ ފަރާތުގެ ވާހަކަތަކުގެ ޚުލާސާ

އިސްތިއުނާފުކުރާ ފަރާތްކަމަށްވާ ޝަރޫ ލޯންޗް ސަރވިސްގެ ފަރާތުން ބުނެފައިވަނީ ކުންފުންޏެއްގެ ޝަޚުސުގެ ފަރުދާ (corporate veil) ނެގޭނެ ހާލަތުތައް ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނުގެ 74 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިރު، މި މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، އެ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ހާލަތެއް ނެތް ކަމަށެވެ. އެހެންކަމުން މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކުރި ހުކުމުގައި ޝަރޫ ލޯންޗް ސަރވިސް ކުންފުނީގެ ޝަޚުސުގެ ފަރުދާ ނަގައި ފެނަކައިން ދައުވާކުރާ ފައިސާ އަށް ޝަރޫ ލޯންޗް ސަރވިސްގެ ތިން ޑިރެކްޓަރުން ޝަޚުސީގޮތުން ޒިއްމާވާން ޖެހޭނެ ކަމަށް ނިންމާފައިވަނީ ކުންފުންޏާބެހޭ ގާނޫނުގެ 74 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހަމަތަކާ ޚިލާފަށް ކަމަށެވެ. ފެނަކައިން ދައުވާކުރާ ފައިސާ އަށް ޝަރޫ ލޯންޗް ސަރވިސްގެ ތިން ޑިރެކްޓަރުން ޝަޚުސީގޮތުން ޒިއްމާވާން ޖެހޭނެ ކަމަށް ހައިކޯޓުން ނިންމާފައިވަނީ ކުންފުންޏާބެހޭ ގާނޫނުގެ 74 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހަމަތަކާ ޚިލާފަށް ކަމަށް ބުނެ އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ހުށަހެޅުމުގައި ބަޔާންކޮށްފައިވަނީ އަންނަނިވި ގޮތަށެވެ.

(ހ) މި މުއާމަލާތުގައި ޝަރޫ ލޯންޗް ސަރވިސްގެ ޑިރެކްޓަރެއްގެ އެއްވެސް ޖިނާއީ ކުށެއް ހިމެނިފައި ނުވެއެވެ. މި މައްސަލައިގެ މަދަނީ ދައުވާކުރުމަށް ކޯޓަށް ހުށަހެޅުނު އިރު ޖިނާއީ ކުށެއްގެ ތުހުމަތު އޮތް ނަމަވެސް، އެ ތުހުމަތުގައި ޖިނާއީ ކުށެއް އެކުނުލެވޭތީ އެ މައްސަލައިގައި ދައުވާ ނުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ނިންމާފައެވެ.

(ށ) ޝަރޫ ލޯންޗް ސަރވިސްގެ ޑިރެކްޓަރުން ގާނޫނާ ޚިލާފަށް ކުރި އަމަލަކީ ޑޮލަރު ގަނެވިއްކުމުގެ ލައިސަންސް ނެތި ޑޮލަރު ގަނެވިއްކުން ކަމަށް ހައިކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވީ ނަމަވެސް، ޝަރޫ ލޯންސް ސާރވިސްއަކީ ޔޫއެސް ޑޮލަރު ގަނެވިއްކުމުގެ މުއާމަލާތް ކުރަމުން ދިޔަ ކުންފުންޏެއް ނޫނެވެ.

(ނ) ޝަރޫ ލޯންޗް ސަރވިސް އިން ކުރަމުންގެންދިޔަ މައިގަނޑު ވިޔަފާރިއަކީ ޓޫރިސްޓް ރިސޯޓުތަކަށާއި، އެއަރލައިންގެ ބުކިންތަކަށް ކަނޑުމަގުން ޓޫރިސްޓުން އުފުލައި ދިނުމުގެ ވިޔަފާރި ކަމަށްވާތީ، ކުންފުންޏަށް އާމްދަނީ ލިބެމުންދިޔައީ ޔޫއެސް ޑޮލަރުންނެވެ. ޚިދުމަތް ދިނުމަށްޓަކައި ކުންފުންޏަށް ދިވެހި ރުފިޔާ ބޭނުންވާތީ ފައިސާ ހޯދުމަށް އެކި ކުންފުނިތަކާ އެކުގައި، މުއާމަލާތް ކުރަމުން ގެންދިއަ ގެންދިއުމަކީ އެއްވެސް ހާލެއްގައި ބޭރު ފައިސާ ވިޔަފާރިއެއްގެ ގޮތުގައި ގަނެވިއްކުމަށް ކުރަމުން ގެންދިޔަ ކަމެއް ނޫނެވެ. އެހެންކަމުން ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރި އެކުންފުނިން ނުކުރާތީވެ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން ބޭރުފައިސާ ގަނެވިއްކުމުގެ ލައިސަންސް ހޯދާފައި ނެތުމަކީ ކުށެއް ނޫނެވެ.

މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފެނަކަ އިން ބުނެފައިވަނީ ޝަރޫ ލޯންޗް ސަރވިސް ކުންފުނީގައި ވިއްކޭވަރަށް ޔޫއެސް ޑޮލަރު ހުރިކަމަށް ދައްކައިގެން މަކަރާއި ހީލަތް ހަދައި، އޮޅުވާލައި، އެކުންފުނީގެ ޑިރެކްޓަރުން ކުންފުނީގެ ގާނޫނީ ޝަޚުސު ނަހަމަގޮތުގައި ބޭނުންކޮށްފައި ވާތީވެ، ޑޮލަރު ގަތުމަށް ފެނަކައިން ޝަރޫ ލޯންޗް ސަރވިސް އަށް ދައްކާފައިވާ ފައިސާއަށް އެ ކުންފުނީގެ ޑިރެކްޓަރުން ޝަޚުސީގޮތުން ޒިއްމާވާން ޖެހޭނެ ކަމަށެވެ.

ކުންފުނީގެ ޝަޚުސުގެ ފަރުދާ އެއްފަރާތްކުރުން

މި ރައުޔުގެ ފެށުމުގައި ބަޔާންކުރި ފަދައިން ކުންފުންޏަކީ ކުންފުނީގެ ހިއްސާދާރުންނާ މުޅިން ވަކިން އުފެދިފައިވާ ގާނޫނީ ޝަޚުސެކެވެ. ކުންފުނީގެ މުދަލަކީ ކުންފުނީގެ ހިއްސާދާރުންގެ މުދަލަކަށް ނުވާތީވެ، ކުންފުނީގެ މުދަލުގެ މައްޗަށް ކުންފުނީގެ ހިއްސާދާރުންގެ އެއްވެސް މަސްލަހަތެއް ނޯންނާނެއެވެ. ކުންފުނީގެ މުދަލެއް އަމިއްލައަށް ނުވަތަ އަމިއްލަ ކަމަކަށް ނެގުމުގެ އެއްވެސް ބާރެއް ހިއްސާދާރަކަށް ނުވަތަ ޑިރެކްޓަރަކަށް ލިބިގެންނުވެއެވެ. އެ ކުންފުންޏަކީ އެންމެ ހިއްސާދާރަކު ކޮންޓްރޯލްކުރާ ކުންފުންޏެއް ނަމަވެސް އެކަން އޮންނާނީ އެގޮތަށެވެ. މީގެ ކުރިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ސުޕްރީމް ކޯޓުގެ ޢުމަރު ނަސީރު ވ. މުޙައްމަދު މުޞްޠަފާ ގަޒިއްޔާގެ ހުކުމުގައި އެ މައްސަލަ ބެލި ފަނޑިޔާރުންގެ އަގުލަބިއްޔަތު ރައުޔުގައި "ކުންފުންޏަކީ ޤާނޫނީ ނަޒަރަކުން ބަލާއިރު އޭގެ ޒާތުގައި އެކުންފުއްޏެއްގެ ހިއްސާދާރުންނާއި ތަފާތު، ވަކި ގާނޫނީ ކިނާނަކާއެކު ގާއިމްވެފައިވާ ގާނޫނީ ޝަހްސެއްނަމަވެސް، ކުންފުންޏާއި، ކުންފުނީގެ ހިއްސާދާރުންގެ އިގްތިސާދީ މަސްލަހަތު ވަކިކުރެވިފައި ނޯންނާނޭކަމަށާއި، އެފަރާތްތަކާއި ކުންފުނީގެ އިގްތިސާދީ މަސްލަހަތު އެއްގޮތްވާކަމަށް" ބަޔާންކޮށްފައި އޮތް ރައުޔަކީ ރަނގަޅު ރައުޔެއް ނޫނެވެ. ސަބަބަކީ މުސްތަފާ ގަޒިއްޔާގައި ބަޔާންކޮށްފައިވާ އެ ރައުޔު ކުންފުންޏާބެހޭ ގާނޫނު، އެއެއްޗެއްގެ މައްޗަށް ބިނާވެފައިވާ އަސާސް ކަމުގައިވާ ކުންފުނީގެ ވަކި ގާނޫނީ ޝަޚުސިއްޔަތުގެ މަފްހޫމްއާ ފުށުއަރައެވެ. މިސާލަކަށް، Macaura v Northern Assurance Co Ltd ގަޒިއްޔާގައި ލޯޑް ބަކްމާސްޓަރ ބަޔާންކޮށްފައިވަނީ ތިރީގައި މިވާ ގޮތަށެވެ.

“no shareholder has any right to any item of property owned by the company, for he has no legal or equitable interest therein. He is entitled to a share in the profits while the company continues to carry on business and a share in the distribution of the surplus assets when the company is wound up.”

ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނުގައި ކުންފުނި ތަރުތީބު ކުރެވިފައިވަނީ މި ބަޔާންކުރި އުސޫލުގެ މައްޗަށެވެ. ނަމަވެސް، ކުންފުނީގެ ފަރުދާ ބޭނުންކޮށްފައިވަނީ މަކަރާ ހީލަތެއް ހެދުމަށް ނުވަތަ ހަގީގަތް އޮޅުވާލުމަށް ނުވަތަ ގާނޫނީ ގޮތުން ގޯސް އަމަލެއްކުރުން (ޓޯޓް) ފަދަ ކަންކަމާ ގުޅިގެންކަމަށްވާ ނަމަ، އެފަރުދާގެ ނިފައިވަތްގަނޑު ކަހާލައި، އެފަދަ އިސްތިސްނާ ހާލައްތަކުގައި ކުންފުނީގެ ވަކި ގާނޫނީ ޝަޚްސުގެ މަފްހޫމް އެއްކިބާކޮށް ކުންފުނީގެ ޑިރެކްޓަރުން ޒިއްމާކުރެވިދާނެ ކަމަށް ސުޕްރީމް ކޯޓުގެ މުސްތަފާ ގަޒިއްޔާގެ ހުކުމުގައި އޮތް ބަޔަށް ތާއީދުކުރަމެވެ.

ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު ގެ 74 ވަނަ މާއްދާގައި ބުނެފައިވަނީ އަންނަނިވި ގޮތަށެވެ:

މި ގާނޫނުގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކުންފުންޏެއް ރަޖިސްޓަރީ ވުމުން އެކުންފުންޏަކީ މެންބަރުންނާ ވަކިން އުފެދިފައިވާ، އަދި ގާނޫނީ ގޮތުން އަމިއްލަ ޝަޚްޞިއްޔަތެއް ލިބިގެންވާ ފަރާތަކަށްވީ ނަމަވެސް، ތިރީގައި ބަޔާން ކޮށްފައިވާ ޙާލަތްތަކުގައި ނިވާފަތްގަޑެއްގެ ގޮތުގައި އެޝަޚްޞިއްޔަތުގެ ބޭނުން ހިފަމުން ގެންދިޔަ ކުންފުނީގެ ޑިރެކްޓަރުން އެ ކުންފުންޏެއްގެ ނަމުގައި ކުރިކަންތައްތަކަށް އެ ޑިރެކްޓަރުން އަމިއްލައަށް ޒިންމާ އުފުލުމަށް އަމުރުކުރުމުގެ ބާރު، ކޯޓަށް ލިބިގެން ވެއެވެ.

(ހ)ކުންފުންޏަށް ލިބިފައިވާ ޝަޚްޞިއްޔަތު، ގާނޫނާ ޚިލާފު ކަމެއް ކުރުމަށްޓަކައި ބޭނުންކޮށްފިނަމަ.

(ށ)ކުންފުންޏަށް ލިބިފައިވާ ގާނޫނީ ޝަޚްޞިއްޔަތު، މަކަރާ ހީލަތް ހެދުމަށްޓަކައި ބޭނުންކޮށްފިނަމަ.

(ނ)ކުންފުންޏަށް ލިބިފައިވާ ޝަޚްޞިއްޔަތު، ކުންފުންޏަށް ދަރަނި ދޫކޮށްފައިވާ ފަރާތްތަކަށާއި، ކުންފުންޏާއެކު ވިޔަފާރިކުރި ނުވަތަ ކުރަމުން ގެންދާ ފަރާތްތަކަށް އޮޅުވާލުމުގެ ނިޔަތުގައި ބޭނުން ކޮށްފިނަމަ.

(ރ)މިމާއްދާގެ (ހ)، (ށ)، (ނ) ގައި ބުނެފައިވާ ޙާލަތްތަކުގެ އިތުރަށް، ގާނޫނުގައި ބަޔާން ކޮށްފައިވާ އެހެނިހެން ޙާލަތްތަކުގައި.

މި މައްސަލައިގައި ކުންފުނީގެ ޝަޚްސުގެ ފަރުދާ ނަގައި މި ދައުވާގައި ހިމެނޭ ދަރަންޏަށް ޝަރޫ ލޯންޗް ސަރވިސްގެ ޑިރެކްޓަރުން ޒިއްމާކުރުވާނެ ހާލަތެއް އޮތްކަމަށް ފެނަކައަށް ސާބިތުކޮށްދެވިފައި ނެތް ކަމަށް ދަށުކޯޓުގެ ހުކުމުގައި ބުނެފައިވާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ކުންފުންޏާބެހޭ ގާނޫނުގެ 74 ވަނަ މާއްދާއިން ކުންފުނީގެ ޝަޚުސުގެ ފަރުދާނެގުން ހުއްދަކޮށްފައިވާ ދެ ހާލަތެއް އޮތްކަން މި މައްސަލައިގެ ވާގިއާތަކުން ސާބިތުވާ ކަމަށެވެ. އެއީ؛ (1) ކުންފުންޏާއެކު ވިޔަފާރިކުރި ފަރާތްތަށް އޮޅުވާލުމުގެ ނިޔަތުގައި ކުންފުންޏަށް ލިބިފައިވާ ގާނޫނީ ޝަޚްސިއްޔަތު ޑިރެކްޓަރުން ބޭނުންކޮށްފައި އޮތްކަމާއި، (2) ގާނޫނާ ޚިލާފު ކަމެއް ކުރުމަށްޓަކައި ކުންފުންޏަށް ލިބިފައިވާ ގާނޫނީ ޝަޚްސިއްޔަތު ޑިރެކްޓަރުން ބޭނުންކޮށްފައިވާ ކަމެވެ.

މި މައްސަލައިގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން އެދިފައިވަނީ ޝަރޫ ލޯންޗް ސަރވިސް ކުންފުނީގެ ގާނޫނީ ޝަޚުސު މުޅިން އެއްކޮށް ތަޖާހަލްކޮށް ކުންފުނީގެ ޝަޚުސުގެ ފަރުދާ އެކުގައި ނަގައި، ކުންފުންޏާއެކު، އެ ކުންފުނީގެ ހުރިހާ ޑިރެކްޓަރުން އެކުގައި އަދި ވަކިވަކީން މި މައްސަލައިގެ ދައުވާގައި ހިމެނޭ ދަރަންޏަށް ޒިއްމާ ކުރުވުމަށް ކަމުގައިވާއިރު، އަދި ދިވެހިރާއްޖޭގެ ހައިކޯޓުން ވެސް ހުކުމް ކޮށްފައިވަނީ ވަކި ޑިރެކްޓަރެއްގެ ވަކި އަމަލަކަށް ނުވަތަ އަމަލުތަކަކަށް ބެލުމުގެ ބަދަލުގައި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ހުރިހާ ޑިރެކްޓަރުން އެކުގައި އަދި ވަކިވަކީން ޒިއްމާވާންޖެހޭ ގޮތަށްކަން ފާހަގަކުރެވެއެވެ. ކުންފުންޏާބެހޭ ގާނޫނުގެ 74 ވަނަ މާއްދާގެ ދަށުން ކޯޓަށް ހުށަހެޅޭ މި ބާވަތުގެ ހުރިހާ މައްސަލަތަކެއްގައި ކުންފުނީގެ ފަރުދާ އެކުގައި ނަގައި ހުރިހާ ޑިރެކްޓަރުން އެކުގައި އަދި ވަކިން ޒިއްމާކުރުވުމުގެ ބަދަލުގައި، ވަކި އަމަލެއްގެ މައްޗަށް ކޮންޓްރޯލް އޮތް ޑިރެކްޓަރެއްގެ ނުވަތަ ޑިރެކްޓަރުންގެ މައްޗަށް ވަކިން ދައުވާކޮށް ޒިއްމާކުރުވުމަކީ ކުންފުންޏާބެހޭ ގާނޫނުގެ 74 ވަނަ މާއްދާގެ ތެރެއިން ކުރެވިދާނެ ކަމެކެވެ. ކުންފުނީގެ ފަރުދާ ނެގުމަށް ނިންމާ ކޮންމެ މައްސަލައެއްގައި ޒިއްމާ އުފުލަންޖެހޭ ޑިރެކްޓަރާއެކު އެކުންފުންޏެއް އެކަމަކަށް ޒިއްމާކުރުވުމަކީވެސް ހަމަޖެހޭ އިންސާފުވެރި ގޮތަކަށް ނުވެ ހިނގައިދާނެއެވެ. މިގޮތުން، މީގެ ކުރިން ސުޕްރީމް ކޯޓުން ނިންމާފައިވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު ނާޡިމް ގަޒިއްޔާގައި، މަކަރާއި ހީލަތް ހެދުމަށް ކުންފުނީގެ ޤާނޫނީ ޝަހްސިއްޔަތު އެކުންފުނީގެ މެނެޖިންގ ޑިރެކްޓަރު ބޭނުންކޮށްފައިވާތީ، އެކުންފުނީގެ ނަމުގައި އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ހިންގާފައިވާ އަމަލުތަކަށް ކުންފުންޏާބެހޭ ޤާނޫނުގެ 74 ވަނަ މާއްދާގެ (ށ) ގެ ދަށުން ޝަޚުސީ ގޮތުން ޒިއްމާކުރުވާފައި ވެއެވެ. ނަމީރާ އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ ނަމުގައި ހިންގާފައިވާ މަކަރާ ހީލަތުގެ އަމަލުތަކަށް އެކުންފުނީގެ މެނެޖިންގ ޑިރެކްޓަރު ފިޔަވައި އެކުންފުނީގައި ދެންތިބި އެހެން ޑިރެކްޓަރުން ޝަޚުސީގޮތުން ޒިއްމާކުރުވާފައި ނުވަނީ، މަކަރާ ހީލަތުގެ އަމަލުތަކުގައި އެހެން ޑިރެކްޓަރުން އަމަލީ ގޮތުން ޝާމިލުވެފައި ނުވާތީ ކަމަށް ބެލެވެއެވެ.

ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނުގެ 74 ވަނަ މާއްދާއަށް ބަލާއިރު، 4 މައުޟޫއެއްގެ ދަށުގައި ހިމެނޭ ހާލަތްތަކުގައި ކުންފުނީގެ ފަރުދާ ނެގިދާނެކަން އެ މާއްދާއިން އެނގެއެވެ. އެއީ:

(ހ)

މަކަރާއި ހީލަތް ހެދުން

(ށ)

އޮޅުވާލުން

(ނ) ގާނޫނާ ޚިލާފުކަމެއް ކުރުން

(ރ) އެހެން ގާނޫނެއްގައި ކަނޑައަޅާފައިވާ ހާލަތެއްގައި

މަކަރާއި ހީލަތް ހެދުންކުންފުންޏާބެހޭ ގާނޫނުގެ 74 ވަނަ މާއްދާގައި ބަޔާންކުރާ މަކަރާއި ހީލަތް ހެދުމަކީ އޭގެ ތެރޭގައި ތަފާތު ގިނަ ބާވަތުގެ އަމަލުތައް ހިމެނޭ ކަމެކެވެ. އޭގެ ތެރޭގައި ޚިޔާނާތުގެ އަމަލުތަކާއި މަކަރު ހެދުމުގެ އަމަލުތަކާއި، ހީލަތްތެރިކަމުގެ އަމަލުތަކާއި، ޑިރެކްޓަރުންގެ އަމާނާތްތެރި ކަމުގެ ވާޖިބާ ޚިލާފުވުމުގެ އަމަލުތަކާއި، ޓޯޓްގެ އަމަލުތައް ހިމެނެއެވެ. ކުންފުނީގެ ޝަޚްސުގެ ފަރުދާ ނަގައި ޑިރެކްޓަރުން ޝަޚުސީގޮތުން ޒިއްމާކުރުވުމަށް ހުށަހެޅޭ ޖިނާއީ މައްސަލަތައް ފިޔަވައި އެހެން މައްސަލަތަކުގައި، މިފަދަ އަމަލުތައް ސާބިތުވާން ޖެހެނީ މަދަނީ ދައުވާތައް ސާބިތުކުރުމުގެ މިންގަނޑުންނެވެ. މިއިން އަމަލެއް ކޮށްފިނަމަ، އެކަންކުރާ ފަރާތަށް ނުވަތަ ފަރާތްތަކަށް ކުންފުނީގެ ތޮށިގަނޑުގެ ނިވަލުގައި ފިލައި ތިބުމަށް ކުންފުންޏާބެހޭ ގާނޫނު ޖާގައެއް ނުދެއެވެ. މި މައުލޫގައި، Lazarus Estates v Beasely ގަޒިއްޔާގައި ލޯޑް ޑެނިންގ ބުނެފައިވަނީ:

“… No court in this land will allow a person to keep an advantage which he has obtained by fraud. No judgment of a court, no order of a Minister can be allowed to stand if it has been obtained by fraud. Fraud unravels everything. The court is careful not to find fraud unless it is distinctly pleaded and proved; but once it is proved, it vitiates judgments, contracts and all transactions whatsoever….” (emphasis added)

އިސްވެދިޔަ އިބާރާތުން ދޭހަވަނީ މަކަރާއި ހީލަތް ހެދުމާއި، އޮޅުވާލުމުގެ އަމަލުތަކުގެ ފައިދާ ނެގުމަށް އެއްވެސް ހާލެއްގައި އެއްވެސް ފަރާތަކަށް ކޯޓުން ޖާގަ ނުދެވޭނެ ކަމެވެ. މަކަރާއި ހީލަތާއި އޮޅުވާލުން އޮވެއްޖެ ނަމަ ކޮންމެ މުއާމަލާތެއް އަދި ކޮންމެ ކިޔާންއެއް ރޫޅައިލަން ކޯޓަށް ލާޒިމުވެއެވެ. މި މައްސަލައަށް ބަލާއިރު، ފެނަކައިން ޑޮލަރު ގަންނަން ދިން 17,857,979.10ރުފިޔާ ޝަރޫ ލޯންޗް ސަރވިސްގެ ބޭންކު އެކައުންޓަށް ޖަމާވުމާއެކު ހަމަ އެދުވަހު ޝަރޫ ލޯންޗް ސަރވިސްގެ ޑިރެކްޓަރުން އެ ފައިސާ ނެގިކަން ލިޔެކިޔުންތަކުން ސާބިތުވެއެވެ. އޭރު އެ އަދަދަށްވާ ޔޫއެސް ޑޮލަރު އެ ކުންފުނީގައި ނެތެވެ. އަދި އެއަދަދަށް ޔޫއެސް ޑޮލަރު ލިބޭނެ އެއްވެސް މަގެއް ނުވަތަ ގާބިލު ކަމެއް އެ ކުންފުނީގައި ނެތްކަން އެކުންފުނީގެ ހިސާބުތަކުން ފެނެއެވެ. އަދި ފެނަކައިން ދިން ފައިސާއަށް ހެދި ގޮތެއް ކުރި ބޭނުމެއް ބުނެދެވިފައި ނެތެވެ. ވީމާ، ޑޮލަރު ވިއްކުމުގެ ގާބިލުކަން ޝަރޫ ލޯންޗް ސަރވިސްގައި ހުރިކަމަށާއި ވަކި ތާރީޚެއްގައި އެއަދަދަށްވާ ޔޫއެސް ޑޮލަރު ފެނަކައަށް ދޭނެކަމުގެ ތަސައްވުރު ދެއްކުމަށް ބޭންކުގެ ގަރަންޓީ ތައްގަނޑު ޑޭޓެޑް ޗެކުތަކުގައި ޖައްސުވައިގެން ޝަރޫ ލޯންޗް ސަރވިސްގެ ޑިރެކްޓަރުން ފެނަކައިން ދިވެހިރުފިޔާ ހޯދާފައިވަނީ ހަގީގަތް އޮޅުވާލައިގެން އެ ތާރީޚުގައި އެ އަދަދަށްވާ ޔޫއެސް ޑޮލަރު ނުދެވޭނެކަން ރަނގަޅަށް އެނގިތިބެކަން ކުންފުނީގެ އާމްދަނީ އާއި ކުންފުނީގެ ބޭންކް އެކައުންޓުގެ ހާލަތަށް ބެލުމުން އެނގެއެވެ. އަދި ޔޫއެސް ޑޮލަރު ވިއްކުމުގެ ނަމުގައި އެހެން ދެ ފަރާތެއްގެ އަތުން ފައިސާ ހޯދާފައިވާތީވެ، މަކަރާއި ހީލަތް ހެދުމުގެ އެފަދަ ދެ މައްސަލައެއް ފުލުސް އޮފީހަށް ހުށަހެޅިފައި އޮތްކަމަށް ފުލުހުންގެ ތަހުގީގު ރިޕޯޓުގައި ބަޔާންކޮށްފައި ވެއެވެ. އަދި ފުލުހުންގެ ތަހުގީގު ރިޕޯޓަށް ބަލާއިރު، ޝަރޫ ލޯންޗް ސަރވިސް ކުންފުނި ހިންގާފައިވަނީ ޑިރެކްޓަރުންގެ ބޯޑަކުން ވަކި އިންތިޒާމަކުން ކުންފުންޏާބެހޭ ގާނޫނާ އެއްގޮތަށް ހިންގާ ކުންފުންޏެއްގެ ގޮތުގައި ނޫންކަން އެ ރިޕޯޓާއި އެ ރިޕޯޓުގައި ހިމަނާފައިވާ ޑިރެކްޓަރުންނާއި މުވައްޒަފުންގެ ބަޔާންތަކުން އެނގެއެވެ. ކުންފުނީގެ އެކައުންޓަށް ވަންނަ ފައިސާ ޚަރަދުކޮށް ކުންފުނީގެ އެކައުންޓުން ފައިސާނަގާނޭ ހަމައެއް ލަމައެއް ނެތެވެ. ކުންފުނީގެ އެކައުންޓުން ނެގި 17 މިލިއަން ރުފިޔާގެ ނަގުދު ފައިސާ ޚަރަދު ކުރި ގޮތެއް ޚަރަދުކުރި ބޭނުމެއް އެ ކުންފުނީގެ ލިޔެކިޔުމަކުން ނުފެނެއެވެ. އެފައިސާ އިން ކުރި ކަމަކާއި އެފައިސާ ވީތަނުގެ މައުލޫމާތު ހުރީ ހަމައެކަނި ޑިރެކްޓަރުންގެ ސިކުނޑީގައެވެ. ކުންފުނީގެ ފޮތަކު ނޫނެވެ. އެހެންކަމުން އެއްވެސް ހަމައެއް ލަމައެއް ނެތި، ޝަރޫ ލޯންޗް ސަރވިސްގެ ޑިރެކްޓަރުން އެ ފައިސާ ކުންފުނީގެ އެކައުންޓުން ނަގައި ރައްކާކޮށްގެން އެފައިސާގެ މަންފާ ނަގައި ކުންފުނީގެ ޝަޚުސުގެ ފަހަތުގައި ފިލައިތިބުން ހުއްދަކުރެވެން ނެތެވެ. އަދި އެއީ ވިޔަފާރީގެ ތެރޭގައި ދިމާވި ބަދު ނަސީބެއްކަމަށް އިސްތިއުނާފީ ނުކުތާގައި ބުނެފައި އޮތް އޮތުމަކީ މައްސަލައިގައި ކަން ހިންގާފައިވާ ގޮތާ މުޅިން ފުށުއަރާ ވާހަކައެކެވެ. އެ ސަބަބަށްޓަކައި ކުންފުނީގެ ޝަޚުސުގެ ފަރުދާ ނަގައި ޝަރޫ ލޯންޗް ސަރވިސްގެ ޑިރެކްޓަރުން ޝަޚުސީގޮތުން މި ދަރަންޏަށް ޒިއްމާވާން ޖެހޭނެ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ ރަނގަޅަށެވެ. މަކަރާއި ހީލަތް ހަދައި އެކިއެކި ފަރާތްތަކަށް އޮޅުވާލައިގެން ޑިރެކްޓަރުން ކުންފުނީގެ ފައިސާނަގައިގެން ބޭނުންކޮށްފި ނަމަ، ނުވަތަ ކުންފުނީގެ ފައިސާ ޚަރަދުކުރި ގޮތެއް ކުންފުނީގެ ރަސްމީ ލިޔެކިޔުންތަކުން ފެންނަން ނެތް ނަމަ، އެފަދަ ކުންފުންޏަކީ ކުންފުންޏެއް ނޫނެވެ؛ އެއީ ހަމައެކަނި ކުންފުނީގެ ޑިރެކްޓަރުން ދަރަނިން ރެކެން ބޭނުންކުރާ 'ގޮނޑިކޮއްކޮ' ކުންފުންޏެކެވެ. ވަކި ގާނޫނީ ޝަޚުސުގެ ގާނޫނީ ހިމާޔަތް ކުންފުންޏަކަށް ލިބޭނީ އެ ކުންފުންޏަކީ ކުންފުނީގެ ހިސާބުތައް ލިޔެކިޔުމުން ބަލަހައްޓައިގެން ގާނޫނުތަކުގައިވާ ގޮތަށް ޑިރެކްޓަރުންގެ ބޯޑުން ހިންގާ ކުންފުންޏެއް ނަމައެވެ. ގާނޫނުގައިވާ އިސްތިސްނާއީ ހާލަތްތަކުގައި ޑިރެކްޓަރުން ކުންފުނީގެ ދަރަންޏަށް ޝަޚުސީގޮތުން ޒިއްމާވުމުގެ މި އުސޫލަކީ އަމިއްލަ ކުންފުނިތަކަށް އެކަނި ޚާއްސަވެގެންވާ އުސޫލުތަކެއް ނޫނެވެ. މި އުސޫލުތަކަކީ ސަރުކާރުގެ ސަތޭކަ ޕަސެންޓް ހިއްސާ އޮންނަ ކުންފުނިތަކާއި، ރީރަޖިސްޓަރީ ކުރެވޭ ބިދޭސީ ކުންފުނިތަކާއި ޕަބްލިކް ކުންފުނިތަކުގެ ޑިރެކްޓަރުންގެ މައްޗަށް ވެސް ހިނގާ އުސޫލުތަކެކެވެ.

އޮޅުވާލުންކުންފުންޏާބެހޭ ގާނޫނުގެ 74 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވަނީ ކުންފުންޏާއެކު ވިޔަފާރިކުރި ނުވަތަ ކުރަމުން ގެންދާ ފަރާތްތަކަށް އޮޅުވާލުމުގެ ނިޔަތުގައި އަމަލެއް ކޮށްފިނަމަ، ޑިރެކްޓަރުން ޝަޚުސީގޮތުން އެކަމަކަށް ޒިއްމާކުރެވިދާނެ ކަމަށެވެ. ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލައިގައި ކުރި ހުކުމުގައި ބުނެފައިވަނީ މި މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު ފެނަކައަށް އޮޅުވާލުމުގެ ނިޔަތުގައި ޝަރޫ ލޯންޗް ސާރވިސްގެ ޑިރެކްޓަރުން އަމަލުކޮށްފައިވާކަން މި މައްސަލައިގެ ވާގިއާތަކުން ސާބިތުވާ ކަމަށެވެ.

ސުވާލަކީ މި މައްސަލައިގައި ހިމެނޭ މުއާމަލާތް ހިންގުމުގައި ޝަރޫ ލޯންޗް ސާރވިސްގެ ޑިރެކްޓަރުން ފެނަކަ ކުންފުންޏަށް އޮޅުވާލާފައިވާކަން ސާބިތުވާކަމަށް ހައިކޯޓުން ބަޔާންކޮށްފައިވަނީ ރަނގަޅަށް ހެއްޔެވެ. ޝަރޫ ލޯންޗް ސާރވިސްގެ ޑިރެކްޓަރުން ފެނަކަ ކުންފުންޏަށް އޮޅުވާލާފައިވާކަން މަތީގައި ބަޔާންކުރި މި މައްސަލައިގެ ވާގިއާ ތަކުން ސާފުވެއެވެ. އެހެންކަމުން ޝަރޫ ލޯންޗް ސާރވިސް ކުންފުނީގެ ޝަޚުސުގެ ފަރުދާ މި މައްސަލައިގައި ނަގައި ޝަރޫ ލޯންޗް ސާރވިސްގެ ޑިރެކްޓަރުން ޝަޚުސީގޮތުން އެކުގައި އަދި ވަކިވަކީން މި ދަރަންޏަށް ޒިއްމާކުރެވިދާނެ ހެއްޔެވެ.

އިނގިރޭސިވިލާތުގެ ކޯޓް އޮފް އެޕީލް އިން ދާދި ފަހުން ނިންމާފައިވާ Inter Export LLC v Townley ގަޒިއްޔާގައި ކަނޑައަޅާފައިވަނީ ހަގީގަތާ ޚިލާފުކަމެއް، ނުވަތަ އެއްޗެއް އެއީ ތެދެއްކަމުގައި މަކަރުވެރިގޮތަކަށް ދެއްކުމުން ނުވަތަ ވަކާލާތުކޮށްފިނަމަ އެ ހާލަތަކީ ކުންފުނީގެ ޝަޚުސުގެ ފަރުދާ ނަގައި ޑިރެކްޓަރުން ޝަޚުސީގޮތުން ޒިއްމާކުރެވިދާނެ ހާލަތެއް ކަމަށެވެ. ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ގާނޫނުގެ 16 ވަނަ މާއްދާ ބުނާގޮތުން ކޮންޓްރެކްޓުގައި ބައިވެރިވާ މީހަކަށް އެނގޭ ގޮތުން، ނުވަތަ އެމީހަކު ގަބޫލުކުރާ ގޮތުން، ހަގީގަތާ ޚިލާފުކަމެއް، ނުވަތަ އެއްޗެއް އެއީ ތެދެއްކަމުގައި މަކަރުވެރިގޮތަކަށް ދެއްކުމުން ނުވަތަ ވަކާލާތުކުރުމުން، އަނެކަކު އެކަމުގެ ނުވަތަ އެއެއްޗެއްގެ މައްޗަށް އިތުބާރުކޮށްގެން ކޮންޓްރެކްޓެއްގައި ބައިވެރިވެއްޖެ ނަމަ، އެއީ ހަގީގަތް އޮޅުވާލުމުގެ އަމަލު ހިނގީކަމަށް ބެލޭނެއެވެ. އެހެން ނަމަވެސް ކޮންޓްރެކްޓެއް ކުރުމުގައި ކުންފުންޏަކުން ހަގީގަތާ ޚިލާފަށް ކަމެއް ބަޔާންކޮށްގެން ނުވަތަ ވަކާލާތުކޮށްގެން ކޮންޓްރެކްޓެއްގައި އެހެން ފަރާތެއް ބައިވެރިކުރުވާ ކޮންމެ ހާލަތެއްގައި ކުންފުނީގެ ގާނޫނީ ޝަޚުސުގެ ފަރުދާ ނެގުމަކީ ހަމަޖެހޭ ކަމަކަށް ނުވެ ހިނގައިދާނެއެވެ. އަދި އެއީ ކުންފުންޏާބެހޭ ގާނޫނުގެ 74 ވަނަ މާއްދާގެ (ނ) ގެ މަގްސަދެއް ވެސް ނޫނެވެ. ކުންފުންޏާބެހޭ ގާނޫނުގެ 74 ވަނަ މާއްދާގެ (ނ) ގެ ތަރަހައިގެ ތެރެއަށް އޮޅުވާލުމެއް ވަންނާނީ އެ އަމަލުގެ އިތުރަށް ކުންފުނީގެ ޝަޚުސު ނަހަމަގޮތުގައި ބޭނުންކޮށް ނުވަތަ ކުންފުނި ނިވާފަތްގަނޑެއްގެ ގޮތުގައި ބޭނުންކޮށް ގާނޫނީ ޒިއްމާއިން ރެކިގަތުމުގެ ނިޔަތް އޮތްކަން ދޭހަވާނޭ ވާގިއާތަކެއް ހުރުމުންނެވެ. މި މައްސަލައިގައި އެ ނިޔަތް އޮތްކަން އެނގެނީ ފެނަކައިން ޑޮލަރު ގަންނަން ޝަރޫ ލޯންޗް ސާރވިސް އަށް ދިން 17,857,979.10 ރުފިޔާ ވަގުތުން އެކައުންޓުން ނަގައި އެފައިސާ ޚަރަދުކުރި ގޮތް އަދި އެ ފައިސާއަށް ވީގޮތެއް ބުނެދީފައި ނުވާތީއެވެ. އަދި އަމާނާތެއްގެ ގޮތުގައި ވަކި މަގްސަދަކަށް ފެނަކައިން ހަވާލުކުރި ފައިސާ ކުންފުނީގެ އެކައުންޓުން ނަގައި ކުންފުނީގެ އެކައުންޓު ހުސްކޮށްލުމުގެ މަގްސަދަކީ އެފައިސާ ހޯދަން ކުންފުނީގެ މައްޗަށް ފެނަކައިން ޝަރޫ ލޯންޗް ސާރވިސްގެ މައްޗަށް ދައުވާކުރި ނަމަވެސް ކުންފުނީގެ އެކައުންޓުގައި އެއްވެސް ފައިސާއެއް ނެތުމުން އެފައިސާ ފެނަކައަށް ނުލިބޭނެގޮތް ހެދުމަށް ކުންފުނީގެ ޝަޚުސުގެ ބޭނުން ނަހަމަގޮތުގައި ހިފުމަށް ކަމަށް ބުރަވެވެއެވެ. އެނޫންނަމަ، އެ ފައިސާ ފެނަކައިން ޝަރޫ ލޯންޗް ސާރވިސް ގެ އެކައުންޓަށް ޖަމާވުމާއެކު ވަގުތުން އެފައިސާ ފެނަކައިގެ އެކައުންޓުން ނެގި ސަބަބެއް ނުވަތަ އެފައިސާ އިން ކުރި ކަމެއް ނުވަތަ އެފައިސާއަށް ހެދިގޮތެއް ބުނެ ނުދެވެންވީ ސަބަބެއް ނެތެވެ. އަދި ފެނަކައަށް ޔޫއެސް ޑޮލަރު ވިއްކުމުގެ އެއްވެސް ނިޔަތެއް އޮތްނަމަ އަދި ވަކި މަގްސަދެއްގައި ވަކި ކަމަކަށް ބަޔަކު ހަވާލުކުރި ފައިސާއަށް ޚިޔާނާތްތެރި ނުވާނަމަ، ހަމައެދުވަހު އެފައިސާ ނަގައިގެން އެފައިސާއަށް ހެދި ގޮތެއް ބުނެދެވެން ވާނެއެވެ. އަދި މި މައްސަލަ ފުލުސް އޮފީހަށް ހުށަހެޅުނު އިރު، ޝަރޫ ލޯންޗް ސާރވިސް އިން އެހެން ދެފަރާތަކަށް ޑޮލަރު ވިއްކުމުގެ ނަމުގައި ރުފިޔާ އަތުލައި، އެ ރުފިޔާއަށް ޑޮލަރު ނުދީގެން އެހެން ދެފަރާތަކުން ފުލުސް އޮފީހަށް މައްސަލަ ހުށަހަޅާފައިވާ ކަމަށް ވެސް ފުލުސް އޮފީހުގެ ތަހުގީގު ރިޕޯޓުގައި ބުނެފައި ވެއެވެ.

މި މައްސަލައިގައި ކުންފުންޏާބެހޭ ގާނޫނުގެ 74 ވަނަ މާއްދާގެ (ނ) ގައިވާ ފަދަ އޮޅުވާލުމުގެ ނިޔަތް ޝަރޫ ލޯންޗް ސާރވިސްގެ ޑިރެކްޓަރުންގެ ކިބައިގައި އޮތްކަން އެނގޭ އަނެއް ސަބަބަކީ ޑޮލަރު ހުރިކަމަށް ދެއްކުމުގެ ގޮތުން ނުވަތަ ޑޭޓެޑް ޗެކުތަކުގައި ބޭންކު ގަރަންޓީ ޖަހައި އެ ފައިސާ ޝަރޫ ލޯންޗް ސާރވިސްގެ އެކައުންޓުގައި ހުރިކަމަށް ދެއްކުމުގެ ގޮތުން ނުވަތަ އެ ޑޮލަރު އެތާރީޚުގައި ލިބޭނެ ކަމުގެ ޔަގީންކަންދީ އެ ޔަގީންކަމުގެ މައްޗަށް ފެނަކައިން އިތުބާރުކޮށް އެއަށްވާ ދިވެހި ރުފިޔާ ޝަރޫ ލޯންޗް ސާރވިސްގެ އެކައުންޓަށް ޖަމާވިއިރު ވިއްކާނޭ ޔޫއެސް ޑޮލަރު ހަގީގަތުގައި ޝަރޫ ލޯންޗް ސާރވިސްގެ އެކައުންޓުގައި ނެތްކަމާއި، އޭރު އެކުންފުނީގެ ޔޫއެސް ޑޮލަރު އެކައުންޓު އޯވަރޑްރޯކޮށްފައި އޮތް ކަމާއި، އެ ޑޮލަރު ޗެކުތަކުގައި ލިޔެފައިވާ ތާރީޚުތަކުގައި އެއަދަދަށް ޔޫއެސް ޑޮލަރު ނުލިބޭނެކަން އެނގިތިބެ އެ އަދަދަށް ޑޮލަރު ހުރިކަމުގެ ނުވަތަ ލިބޭނެ ކަމުގެ ތަސައްވުރު ދައްކައިގެން އެ މުއާމަލާތް ފެނަކައާ އެކު ކޮށް، ޔޫއެސް ޑޮލަރަށްވާ ދިވެހި ރުފިޔާ އޮޅުވާލައިގެން އަތުލައި އެފައިސާ ވަގުތުން ޝަރޫ ލޯންޗް ސާރވިސްގެ އެކައުންޓުން ނަގައި އެ ފައިސާ ބޭނުންކޮށްފައިވާތީ އެވެ. ފެނަކައިން ބުނެފައިވަނީ އެ ޗެކުތަކުގައި ބޭންކު ގަރަންޓީ ޖަހާފައި ނެތްނަމަ އެކުންފުނިން ޝަރޫ ލޯންޗް ސާރވިސް ކުންފުންޏާއެކު އެ މުއާމަލާތް ނުކުރާނެ ކަމަށެވެ. މީގެ އިތުރުން، ބޭންކު ގަރަންޓީ ޖެހި ޗެކުތައް ފެނަކައަށް ދީ ޑޮލަރު ވިއްކުމުގެ ގާބިލުކަން އެކުންފުނީގައި ހުރިކަމަށްވެސް އެކުންފުނިން ހަގީގަތާ ޚިލާފަށް ވަކާލާތުކޮށް އޮޅުވާލާފައިވާ ކަން އެނގެއެވެ.

މީގެ އިތުރުން، ފެނަކައިން ޑޮލަރު ގަންނަން ޝަރޫ ލޯންޗް ސާރވިސް އަށް ދިން 17,857,979.10 ރުފިޔާ ޝަރޫ ލޯންޗް ސާރވިސް އިން އަނބުރާ ދިނުމުގެ ގޮތުން ފެނަކައިގެ ބޭންކު އެކައުންޓަށް ޖަމާކޮށްފިކަމަށް ޝަރޫ ލޯންޗް ސާރވިސް އިން ފެނަކައަށް ފޮނުވި ސިޓީއަކުން ހަގީގަތާ ޚިލާފަށް ބުނުމަށް ފަހު، އޮޅުވާލައިގެން އެ ޑޮލަރު ޗެކުތައް އަނބުރާ އަތުލަން މަސައްކަތް ކުރިކަމާއި، ނަމަވެސް، އެ ސިޓީގައި ބުނެފައިވާ ގޮތާ ޚިލާފަށް އެ ރުފިޔާ ޖަމާކޮށްފައިނުވާ ކަމާއި، އެ ގޮތުން އެފައިސާ އަނބުރާ ދިނުމުގެ ގޮތުން ޖަމާކުރި ކަމަށް ޝަރޫ ލޯންޗް ސާރވިސް އިން ސިޓީގައި ބުނި ޗެކުތައް ވެސް ބައުންސްވެފައިވާ ކަމާއި، އެ ރުފިޔާ ޗެކުތައް ބޭންކުގެ އޭޓީއެމްއިން ޖަމާކުރީ އެ އެކައުންޓުގައި ފައިސާނެތްކަން ޝަރޫ ލޯންޗް ސާރވިސްގެ ޑިރެކްޓަރުންނަށް އެނގި ތިބެގެން އޮޅުވާލުމުގެ ނިޔަތުގައި ކަން ދޭހަވެއެވެ.

އެހެންކަމުން ޝަރޫ ލޯންޗް ސާރވިސްގެ ޑިރެކްޓަރުން ފެނަކައަށް އޮޅުވާލާފައިވާ ކަމާއި ކުންފުނީގެ ޝަޚުސުގެ ބޭނުން ނަހަމަގޮތުގައި ހިފާފައިވާ ކަން މި ބަޔާންކުރި ވާގިއާތަކުން އޮޅުމެއްނެތި އެނގެއެވެ.

ގާނޫނާ ޚިލާފުވުން

ދިވެހިރާއްޖޭގެ ހައިކޯޓުން ކުރި ހުކުމުގައި ބަޔާންކޮށްފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ބޭރުފައިސާ ގަނެވިއްކުމުގެ ހުއްދަ ނުހޯދައި ޝަރޫ ލޯންޗް ސާރވިސް އިން ބޭރުފައިސާ ގަނެވިއްކުމުގެ މުއާމަލާތް ހިންގާފައިވަނީ ގާނޫނާ ޚިލާފަށް ކަމަށެވެ. ސުވާލަކީ ކުންފުންޏަކުން ގަވާއިދަށް ނުވަތަ ގާނޫނަށް ނުފެތޭގޮތަށް ކުރާ ކޮންމެ ކަމެއް، އެއީ ކިތަންމެ ކުޑަކަމެއް ކަމަށްވީ ނަމަވެސް، އެކަމާ ގުޅިގެން ކުންފުނީގެ ޝަޚްސުގެ ފަރުދާ ނެގުމަށް ކުންފުންޏާބެހޭ ގާނޫނުގެ 74 ވަނަ މާއްދާގެ (ހ) ހުއްދަކުރޭ ހެއްޔެވެ؟ އެ މާއްދާގެ އެ އަކުރުގައި ބުނެފައިވަނީ ކުންފުންޏަށް ލިބިފައިވާ ޝަޚްސިއްޔަތު، ގާނޫނާ ޚިލާފު ކަމެއް ކުރުމަށްޓަކައި ބޭނުންކޮށްފިނަމަ އެ ކުންފުންޏެއްގެ ޑިރެކްޓަރުން އެކަމަށް ޒިއްމާ އުފުލަން އަމުރުކުރުމުގެ ބާރު ކޯޓަށް ލިބިގެންވާ ކަމަށެވެ. އުސޫލެއްގެ ގޮތުން ބަލާއިރު، ކުންފުންޏާބެހޭ ގާނޫނުގެ 74 ވަނަ މާއްދާގެ (ހ) ގެ ދަށުން، ގާނޫނާ ޚިލާފަށް ކުރާ ކަމަކީ ކިތަންމެ ކުޑަކަމެއް ނަމަވެސް އެ މާއްދާއަށް ފެތެއެވެ. ނަމަވެސް ސުވާލަކީ އެއީ އެ މާއްދާއިން ހާސިލުކުރަން ބޭނުންވާ މަގްސަދު ހެއްޔެވެ. އަހުރެންގެ ރައުޔަކީ ގާނޫނާ ޚިލާފަށް ނުވަތަ ގަވާއިދާ ޚިލާފަށް ކުންފުންޏަކުން ކުރާ ކަމަކާ ގުޅިގެން ކުންފުނީގެ ޝަޚްސުގެ ފަރުދާ ނެގޭނީ ވަރަށް އިސްތިސްނާއީ ހާލަތެއްގައި، އަދި އެކަމަކީ ކުންފުނީގެ ޑިރެކްޓަރަކު ނުވަތަ ޑިރެކްޓަރުން ގާނޫނަކުން ނުވަތަ ގަވާއިދަކުން ރެކިގަތުމަށް ކުރާ ތެދުވެރި ނޫން އަމަލަކަށްވާ ނަމައެވެ. ކޮންމެ ކޮންމެ ހާލަތެއްގައި އެހާ ލުއިލުއި ގޮތަކަށް އެކަން ކުރުމަކީ ކުންފުންޏާބެހޭ ގާނޫނުގެ ދަށުން ކުންފުންޏަށް ދީފައިވާ ޝަޚްސަށް ލިބެންޖެހޭ ހިމާޔަތުގެ މަފްހޫމާ ފުށުއަރާފާނެ ކަމެކެވެ. ކުންފުންޏަކީ ވަކި ޝަޚްސެއްކަމުގެ މަފްހޫމުގެ މައްޗަށް ބަރޯސާވެގެން ވިޔަފާރިކުރާ ފަރާތްތަކަށް ލިބެންޖެހޭ އިތުބާރާއި ޔަގީންކަން ކުޑަވާނޭ ކަމެކެވެ. އެހެންކަމުން މިފަދަ މައްސަލަތަކުގައި، 'މޫނުމައްޗެއް'ގެ ގޮތުގައި ނުވަތަ 'ނިވާފަތްގަނޑެއް'ގެ ގޮތުގައި ނުވަތަ 'ގޮނޑިކޮއްކޮއެއް'ގެ ގޮތުގައި ނުވަތަ 'ބިލާހެއް'ގެ ގޮތުގައި ކުންފުނީގެ ޝަޚުސު ބޭނުންކޮށް ހަގީގަތް ފޮރުވައި ގާނޫނީ ޒިއްމާއިން ރެކިގަތުމުގެ ނިޔަތް އޮތްތޯ ބެލުމަށްޓަކައި، ކުންފުނީގެ ޝަޚުސުގެ ފަރުދާގެ ފަހަތުގައި ހަރަކާތްތެރިވި ބަޔަކީ ކޮބައިތޯ ބެލުމާއި މުޅި މައްސަލައިގެ ވާގިއާތަކުން އުފެދިފައިވާ އޮނިގަނޑުގެ މައްޗަށް ބެލުމަކީ ކޯޓުން ކުރަން ޖެހޭނެ ކަމެކެވެ. އަދި އެފަދަ ހާލަތްތަކުގައި ކުންފުނީގެ ޝަޚުސުގެ ފަރުދާ ނެގުމުގެ ކުރިން އެކަން ކުރިމީހުން ޓްރަސްޓްގެ ގާނޫނާއި އެޖެންސީގެ ގާނޫނުފަދަ އެހެން ގާނޫނުތަކުގެ ޒަރީއާއިން ޖަވާބުދާރީކޮށް ޒިއްމާދާރު ކުރެވިދާނެ ގޮތެއް އޮތްތޯވެސް ކޯޓުން ބެލިދާނެއެވެ. މިފަދަ އެއް މިސާލަކީ ސުޕްރީމް ކޯޓުން ނިންމާފައިވާ މުޙައްމަދު އަސްލަމް އަދި އިތުރު 4 ފަރާތެއް ވ. ދިވެހި ދައުލަތް ގަޒިއްޔާއެވެ. މުޙައްމަދު އަސްލަމް އަދި އިތުރު 4 ފަރާތެއް ވ. ދިވެހި ދައުލަތް ގަޒިއްޔާގައި އަލް ފަތުހު ހައްޖު އެންޑް އުމްރާ ގުރޫޕް ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ ގާނޫނީ ޝަޚްސުގެ ފަރުދާ ސުޕްރީމް ކޯޓުން ނަގާފައި ނުވަނީ ޕަރސަނަލް ގަރަންޓީއާ ބެހޭ ގާނޫނުގެ ދަށުން އެ މައްސަލައިގައި އަރަނިވެރިޔާއަށް ހައްލެއް ފޯރުކޮށްދެވެން އޮތުމުންނެވެ. އެހެން ގޮތަކަށް ބުނާނަމަ އެ މައްސަލައިގައި ހިމެނޭ ދަރަންޏަށް އެ ކުންފުނީގެ މެނެޖިންގ ޑިރެކްޓަރު ޕަރސަނަލް ގަރަންޓީ ދީފައިވާތީ، އެއީ އެ މައްސަލައިގައި އެކަށީގެންވާ ހައްލަކަށް ވާތީއެވެ.

އެހެންކަމުން، މި މައްސަލައިގައި އުފެދޭ ސުވާލަކީ ޝަރޫ ލޯންޗް ސާރވިސްއިން ބޭރު ފައިސާ ގަނެވިއްކުމުގެ ހުއްދަ ނަގާފައި ނުވަނީ ޝަޚްސީ ޒިއްމާއަކުން ރެކިގަތުމަށް ކުންފުނީގެ ޝަޚުސުގެ ބޭނުންކުރުމަށްތޯ ބެލުމަށްޓަކައި މައްސަލައިގެ ވާގިއާތަކުގެ އޮނިގަނޑަށް ބެލުމަކީ މައްސަލަބެލުމުގައި ކުރަންޖެހޭ ކަމެއް ކަމަށް ދެކެމެވެ. ކުންފުންޏަކީ ބޭރުފައިސާ ގަނެވިއްކުމަށް ޚާއްސަވެގެން އުފައްދާފައިވާ ކުންފުންޏެއް ކަމަށް ވެފައި އެކަމަށް ޚާއްސަ ކުންފުންޏަކުން ހުއްދަ ނުހޯދައި ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތް ހިންގިނަމަ، ކުންފުނީގެ ޝަޚުސު ގާނޫނާ ޚިލާފަށް ގާނޫނީ ޒިއްމާއަކުން ރެކިގަތުމަށް ބޭނުންކުރީ ކަމަށް ބެލުމުގެ ފުރުސަތު އޮވެދާނެއެވެ. ނަމަވެސް، މި މައްސަލައިގައި ހަމައެކަނި ޝަރޫ ލޯންޗް ސާރވިސް ކުންފުނިން ބޭރުފައިސާ ގަނެވިއްކުމުގެ ހުއްދަ ނަގާފައި ނެތުން އެއީ ސަބަބެއް ކަމަށް ބަލައި ކުންފުނީގެ ޝަޚްސުގެ ފަރުދާނެގުން އެއީ އެންމެ ރަނގަޅު ގޮތްކަމަށް ނުބެލެވެއެވެ.

ކުންފުނީގެ ޑިރެކްޓަރަކަށް ނުވާ ފަރާތެއް ޒިއްމާކުރެވިދާނެތަ؟

މަތީގައި ބަޔާންކުރެވުނު ޕެރެގްރާފުތަކުގައި ބަޔާންކޮށްފައިވަނީ ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނުގެ 74 ވަނަ މާއްދާގެ ދަށުން، އެ މާއްދާގައި ހިމެނޭ 4 މައުލޫއެއްގެ ދަށުގައި ހިމެނޭ ހާލަތްތަކުގައި ކުންފުނީގެ ޝަޚުސުގެ ފަރުދާ ނެގުމަށް އެމާއްދާއިން ހުއްދަކުރުމުގެ ވާހަކައެވެ. އަދި އެ މާއްދާގެ ދަށުން ކުންފުނީގެ ޝަޚުސުގެ ފަރުދާ ނަގައި ޝަޚުސީގޮތުން ޒިއްމާ ކުރެވޭނީ ހަމައެކަނި ކުންފުނީގެ ޑިރެކްޓަރުންނެވެ. ކުންފުނީގެ ޑިރެކްޓަރަކަށް ނުވާ ހިއްސާދާރެއްގެ ނުވަތަ އެޖެންޓެއްގެ ނުވަތަ ކުންފުނީގެ މުދަލެއްގެ މަންފާވެރިއެއްގެ ވާހަކަ އެމާއްދާގައި ސަރީހަ ބަހުން ބުނެފައި ނެތް ނަމަވެސް، ކުންފުނީގެ ގާނޫނީ ޝަޚުސުގެ ފަރުދާ މުޅިން ނުނަގައި، ކުންފުނީގެ މުދާ ކޮންޓްރޯލް ކުރާ ފަރާތުން މަކަރާ ހީލަތް ހަދައިގެން، ނުވަތަ އޮޅުވާލައިގެން ނަހަމަގޮތުގައި ކުންފުނީގެ ޝަޚުސުގެ ބޭނުންކުރާނަމަ އެ ފަރާތެއް އެ މާއްދާގެ ދަށުން ޒިއްމާކުރެވިދާނެކަން އެނގެއެވެ. އެގޮތުން ކުންފުންޏަކީ އެހެން ބަލަދުވެރި ކުންފުންޏެއްގެ ފަރުއީ ކުންފުންޏެއް ކަމުގައި ވިޔަސް ބަލަދުވެރި ކުންފުނިން ފަރުއީ ކުންފުނި ބޭނުންކުރަނީ މަކަރާއި ހީލަތް ހެދުމަށް ނުވަތަ ގާނޫނީ ޒިއްމާއަކުން ރެކިގަތުމަށް ކަމުގައިވާނަމަ އެފަދަ ފަރުއީ ކުންފުންޏެއްގެ ގާނޫނީ ޝަޚުސުގެ ފަރުދާ ނަގައި ބަލަދުވެރިކުންފުނި ޒިއްމާ ކުރެވިދާނެއެވެ. އަދި އެއްވެސް ފަރާތެއްގެ މުދައު ކުންފުންޏެއްގެ މުދަލުގެ ގޮތުގައި ބަހައްޓާފައިވަނީ ނުވަތަ ކުންފުނީގެ ނަމުގައި ރަޖިސްޓަރީކޮށްފައިވަނީ ޓްރަސްޓީއެއްގެ ގޮތުގައި ކަމަށްވެފައި، އެ މުދަލުގެ މަންފާވެރިޔާއަކީ އެ ކުންފުނި ކޮންޓްރޯލްކުރާ ފަރާތްކަމަށް ވާނަމަ ކުންފުނީގެ ޝަޚުސުގެ ފަހަތުގައި ފޮރުވާފައިވާ ހަގީގަތްތައް ދެނެގަނެ ކުންފުނީގެ ޝަޚުސުގެ ފަރުދާ ނަގައި، ކުންފުންޏެއްގެ ނިވަލުގައި މުދާ ފޮރުވާ ފަރާތް ކުންފުންޏާބެހޭ ގާނޫނުގެ 74 ވަނަ މާއްދާގެ ދަށުން ޒިއްމާކުރެވިދާނެ ކަމަށް ގަބޫލުކުރެވެއެވެ. އަދި ހަމައެއާއެކު ކުންފުންޏެއްގެ މައްޗަށް ޒިމްނީ ޓްރަސްޓެއް އޮތްކަމަށް އިފްތިރާޒުކުރެވޭ ހާލަތްތަކުގައި ކުންފުންޏެއްގެ ޝަޚުސުގެ ފަރުދާ ނަގައި، ޓްރަސްޓުގެ ގޮތުގައި ކުންފުންޏެއްގައި ހުރި ފައިސާ ނުވަތަ މުދަލުގެ ފަހަތުން ގޮސް އެ ފައިސާ ނުވަތަ މުދާ، އޭގެ ހައްގުވެރި ފަރާތަށް ރައްދުކުރުމަށް އެނގުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ. އެ ބާރު ކޯޓުތަކަށް ލިބިގެންވާކަން އެނގެނީ ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ވޯލްޑް ލިންކް ޓްރެވަލް ޕްރައިވެޓް ލިމިޓެޑް ވ. ދިވެހި ދައުލަތް މި ގަޒިއްޔާ އިންނެވެ.

މި ގޮތުން، ސުޕްރީމް ކޯޓުގެ ވޯލްޑް ލިންކް ޓްރެވަލް ޕްރައިވެޓް ލިމިޓެޑް ވ. ދިވެހި ދައުލަތް ގަޒިއްޔާގެ ހުކުމުގައި ކުންފުންޏެއްގެ ޑިރެކްޓަރަކު ފިޔަވައި އެހެން ފަރާތެއް ކުންފުންޏާބެހޭ ގާނޫނުގެ 74 ވަނަ މާއްދާގެ ދަށުން ކުންފުނީގެ ދަރަންޏަކަށް ޒިއްމާކުރުވާފައި ވެއެވެ. އެ ގަޒިއްޔާގައި، އެމް.ޓީ.ސީ.ސީ އާއި އެމް.އޭ.ސީ.އެލްގެ ޖޮއިންޓް ވެންޗަރއެއް ކަމުގައިގައިވާ އެއަރޕޯޓްސް އިންވެސްޓްމަންޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ('އެއިމް') މެދުވެރިވެ ދިވެހި ސަރުކާރަށް ވޯލްޑްލިންކް ޓްރެވަލް ޕްރައިވެޓް ލިމިޓެޑް އިން ދައްކާފައިވާ 16.9 މިލިއަން ޔޫއެސް ޑޮލަރުގެ މުގާބިލުގައި އެއްބަސްވުމާއި އެއްގޮތަށް އެއިމް އިން އުފުލަންޖެހޭ އިލްތިޒާމް ނުއުފުލާ، އެފައިސާ ވޯލްޑް ލިންކް ޕްރައިވެޓް ލިމިޓެޑްއަށް އަނބުރާ ދައްކާފައިވެސް ނުވާތީ، ވޯލްޑް ލިންކް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މިނިސްޓްރީ އޮފް ޓުއަރިޒަމް އާރޓްސް އެންޑް ކަލްޗަރ އާއި އެއިމްގެ މައްޗަށް ރައްދުވާގޮތަށް ސިވިލް ކޯޓުގައި ދަޢުވާ ކުރި އެކޯޓުގެ ނަންބަރު 1463/Cv-C/2010 ގަޟިއްޔާގައި، އެ ދައުވާއަކީ ދިވެހި ދައުލަތުގެ މައްޗަށް ނުއުފުލޭނޭ ދައުވާއެއް ކަމަށް ބުނެ ދިވެހި ދައުލަތުގެ ބަންޑާރަނައިބު ކުރި އިއުތިރާޒަށް ތާއީދުކުރުމަށް ސިވިލް ކޯޓާއި އަދި އެއަށް ފަހު ހައިކޯޓުން ވެސް ނިންމިއެވެ. ހައިކޯޓުގެ ނިންމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ވޯލްޑް ލިންކްގެ ފަރާތުން އިސްތިއުނާފު ކުރުމުން ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، މާލީ މުއާމަލާތްތަކުގެ ބައިވެރިން އެ މުއާމަލާތްތަކުގެ ތެރެއަށް ވަންނާނީ އެ މުއާމަލާތެއްގެ ދަށުން ގާނޫނީ ގޮތުން އުފުލަންޖެހޭ އިލްތިޒާމުތައް އެ މުއާމަލާތެއްގެ އެންމެހައި ބައިވެރިން އަދާކުރަމުންދާނެ ކަމުގެ ޔަގީންކަމުގެ މައްޗަށް ބިނާކޮށް ކަމަށާއި، ލިމިޑެޓް ލައިބިލިޓީ ކުންފުނިތަކަކީ އެ ކުންފުނިތަކުގެ މެމްބަރުންނާ ވަކިން، ވަކި ގާނޫނީ ޝަޚުސިއްޔަތެއް ލިބިގެންވާ ތަންތަނަށް ވިޔަސް، މާލީ މުއާމަލާތްތަކުގައި އޭގެ ބައިވެރިންނަށް ގެއްލުންވާގޮތަށް ކުންފުނި ނިވާފަތްގަނޑަކަށް ހަދައިގެން ކުރާ މުއާމަލާތްތައް ބުނެވުނު ޤާނޫނީ ހަމައިން އިސްތިސްނާވާނޭ ކަމަށެވެ. އަދި ހަމަ އެހެންމެ، މުއާމަލާތުކުރުމުގައި އޮންނަންޖެހޭ ތެދުވެރި ނިޔަތް ނެތުމުގެ ސަބަބުން ދެވަނަ ފަރާތަށް ލިބޭ ގެއްލުމުގެ ޒިންމާ ގާނޫނީ ގޮތުން އެ މުއާމަލާތެއްކުރި ފަރާތަކުން އުފުލަންޖެހޭނޭ ކަމަށާއި، އެއްބަސްވެފައިވާ ގޮތަށް މާލީ މުއާމަލާތް ހިންގުމަށް އުޒުރުވެރިވާނަމަ، އެ އެއްބަސްވުން ނިމުމަކަށްގެނެސް، އެއްފަރާތުން އަނެއްފަރާތަށް ބަދަލުކުރި ހައްގުތައް އެ ހައްގެއްގެ ވެރިޔަކަށް އަނބުރާ ލިބިދިނުމަށް ހުރަސްއެޅުމުގެ ހައްގު އެއްވެސްފަރާތަކަށް ލިބިނުދެވޭނެ ކަމަށެވެ. އެހެންކަމުން، އެ މައްސަލައިގައި، އެއިމްއިން އުފުލަންޖެހޭ އިލްތިޒާމުތައް އުފުލިފައި ނުވަނީ ދިވެހި ދައުލަތުން (މިނިސްޓްރީ އޮފް ޓުއަރިޒަމް އާޓްސް އެންޑް ކަލްޗަރ އިން) އަމަލުކުރި ގޮތަކުން ކަމަށްވާތީ އާއި އަދި ވޯލްޑް ލިންކުން ދެއްކި ފައިސާވެސް ޖަމާވެފައިވަނީ ދިވެހި ދައުލަތުގެ ބައިތުލްމާލަށް ކަމަށްވާއިރު، އެ މައްސަލައިގައި ދިވެހި ސަރުކާރަކީ ގާނޫނީ ގޮތުން އެމައްސަލައާއި ގުޅުމެއް ނެތް ފަރާތެއްކަމަށް ބަލައި ދިވެހި ސަރުކާރު އެ ދައުވާއިން ބަރީއަކޮށްފައިވަނީ ޝަރުއީ އަދި ގާނޫނީ ހަމަތަކާ އެއްގޮތަށް ނޫންކަމަށް ނިންމާފައި ވެއެވެ.

ސުޕްރީމް ކޯޓުގެ ވޯލްޑް ލިންކް ޓްރެވަލް ޕްރައިވެޓް ލިމިޓެޑް ވ. ދިވެހި ދައުލަތް ގަޒިއްޔާއިން ދަލީލު ލިބެނީ ވަކި ޚާއްސަ ބޭނުމަކު އެހެން ފަރާތަކަށް މުދަލެއް ހަވާލުކޮށްފައިވާ ނުވަތަ ފޯރުކޮށްދީފައިވާ ހާލަތުގައި، އެ މަގްސަދު ހާސިލު ނުކުރެވިއްޖެ ނަމަ، އެ އެމުދަލެއް އެފަރާތުގެ އަތުގައި ހުންނާނީ ޒިމްނީ ޓްރަސްޓްއެއްގެ ގޮތުގައި ކަމަށް އިފްތިރާޒުކުރެވޭނެކަމެވެ. މިފަދައިން އިފްތިރާޒުކުރެވޭ ހާލަތުތަކުގެ ތެރޭގައި އެއްފަރާތުން އަނެއް ފަރާތަށް ވަކި މަގްސަދެއްގައި ދޫކުރާ ދަރަނީގެ ހާލަތާއި ވަކި މަގްސަދެއްގައި ދޭ ފައިސާގެ ހާލަތު ހިމެނެއެވެ. އެއްވެސް ފަރާތަކަށް ވަކި މަގްސަދެއްގައި ވަކި ކަމަކަށް ދޭ ފައިސާއިން ކުރަންޖެހޭނީ އެ ކަމެކެވެ. އެ މަގްސަދު ހާސިލުކުރެވެން ނެތް ނަމަ، ނުވަތަ އެފައިސާ ދިން ބޭނުމަށް ފައިސާ ބޭނުންކުރެވެން ނެތް ނަމަ ދަރަނި ދިންފަރާތަށް ނިސްބަތްވާ ގޮތަށް އެ ފައިސާގެ މައްޗަށް މިލްކުވެރިކަމުގެ ހައްގު އޮންނާނެ ކަމަށް އިފްތިރާޒުކުރެވޭނެއެވެ. އެހެންކަމުން މި ހާލަތުގައި އެ ދަރަނި ބަދަލުވެގެންދާނީ ޓްރަސްޓްއަކަށެވެ. އަދި ފައިސާގެ މައްޗަށް މިލްކުވެރިކަމުގެ ހައްގެއް އުފެދުމުން، އެ ފައިސާގެ ފަހަތުން ދިއުމުގެ ހައްގު އަރަނިވެރިޔާއަށް ލިބިގެންދެއެވެ. ވަކި މަގްސަދަކަށް ހަވާލުކުރެވޭ ފައިސާ ޒިމްނީ ޓްރަސްޓަކަށްވާ ސަބަބަކީ، ވަކި މަގްސަދަކަށްދޭ ފައިސާއެއް ދިން މަގްސަދާއި ޝަރުތުތައް ތަޖާހަލްކޮށް އެފައިސާ އެހެންކަމަކަށް ބޭނުންކުރުމަކީ ޣައިރުޒަމީރީ ކަމަކަށްވާތީއެވެ. ވަކި ކަމަކަށް ދިން ފައިސާ ބޭނުންކުރަންވާނީ އެކަމަކަށެވެ. ފައިސާ ދޭ އަސާސީ ބޭނުމަށް ފައިސާ ބޭނުން ނުކުރެވިއްޖެ ނަމަ، ސާނަވީ ޓްރަސްޓެއް ޒިމްނީކޮށް އުފެދިގެން ދާނެއެވެ. ނުވަތަ ދެފަރާތުގެ މެދުގައި އެފަދަ ޓްރަސްޓެއް އުފެދޭނެކަމަށް ދެފަރާތުގެ ދެމެދުގައި ވެވޭ އެއްބަސްވުމެއްގައި ސަރީހަބަހުން އެއްބަސް ވުމުގެ އިޚްތިޔާރު އެއްބަސްވުމުގެ ބައިވެރިންނަށް ލިބިގެންވެއެވެ. އަދި މިފަދަ ޒިމްނީ ޓްރަސްޓެއް އުފެދުމުގެ ނަތީޖާއަކީ އެއްފަރާތުން އަނެއް ފަރާތަށް ދައްކަންޖެހޭ ފައިސާއެއް އަޅާކަނޑައިލުމުގެ ހައްގަށް އުނިކަން ގެންނަ ކަމެއް ނޫނެވެ.

މަތީގައި އިސްވެދިޔަ ޕެރެގްރާފުގައި ބަޔާންކުރި ވާހަކައަކީ، އެއްފަރާތުން އަނެއް ފަރާތަށް ވަކި މަގްސަދަކަށްދޭ ކޮންމެ ފައިސާއެއް ނުވަތަ އެއްފަރާތުން އަނެއް ފަރާތަށް ވަކި ކަމަކަށް ދޫކުރާ ކޮންމެ ދަރަންޏެއް އެ ފައިސާ ލިބޭ ފަރާތުން ބޭނުންވާ އެހެނިހެން ކަންކަމަށް ބޭނުން ނުކުރެވޭނެ ވާހަކައެއް ނޫނެވެ. އެ މިންވަރަކުން އަދި ޓްރަސްޓެއްވެސް ނުއުފެދޭނެއެވެ. މިފަދަ މައްސަލައެއްގައި ބަލަންޖެހޭނީ އެފައިސާ ދިނީ އެނޫން ކަމަކަށް އެފައިސާ ޚަރަދުކުރުމުގެ މިނިވަންކަން އޮންނާނެ ގޮތުގެ މަތީން ކަމަށް ދެފަރާތުގެ ނިޔަތް އޮތްތޯއެވެ. އެ މިނިވަންކަން އޮންނާނެ ކަމަށް ދެފަރާތުގެ ނިޔަތް އޮތް ނަމަ، އެފަދަ ޒިމްނީ ޓްރަސްޓެއް ނުއުފެދޭނެއެވެ.

އަތުގައި މި އޮތް މައްސަލައިގައި ޑޮލަރު ގަންނަން ދިން ދިވެހި ރުފިޔާއަށް ޝަރޫ ލޯންޗް ސާރވިސްއިން ޑޮލަރު ހޯދައި ދިނުމުގެ ކުރިން އެފައިސާ ބޭނުން ކަމަކަށް ޚަރަދުކުރުމުގެ މިނިވަންކަން ޝަރޫ ލޯންޗް ސާރވިސްއަށް އޮތްކަމަށް ދެފަރާތުގެ ނިޔަތް ނެތްކަން މައްސަލައިގެ ވާގިއާތަކުން ސާފު ބިއްލޫރިގަނޑެއް ފަދައިން ފެންނަން އެބައޮތެވެ. ވީމާ މި މައްސަލައިގައި ފެނަކައިން ޝަރޫ ލޯންޗް ސާރވިސްއާ ހަވާލުކުރި ފައިސާ ހުރީ ޒިމްނީ ޓްރަސްޓެއްގެ ދަށުގައި ކަމަށް އިފްތިރާޒުކުރަންޖެހެއެވެ. ވީމާ އެ ސަބަބަށްޓަކައި ވެސް ޝަރޫ ލޯންޗް ސާރވިސް ކުންފުނީގެ ޝަޚުސުގެ ފަރުދާ ނަގައި އެކުންފުނީގެ ފަރުދާގެ ފަހަތުގައި ތިބި އެކުންފުނީގެ ޑިރެކްޓަރުން ޝަޚުސީގޮތުން ޒިއްމާކުރުވަން ޖެހެއެވެ.

އިސްތިއުނާފުކުރެވުނު ދެވަނަ ނުކުތާއާއި ތިންވަނަ ނުކުތާ

ހައިކޯޓުގެ ނިންމުން އިސްތިއުނާފުކުރުމަށްޓަކައި ޝަރޫ ލޯންޗް ސަރވިސްގެ ފަރާތުން ހުށަހެޅި ނުކުތާތަކުގެ ތެރެއިން މި ރައުޔުގެ 22 ވަނަ ޕެރެގްރާފުގެ (ށ) ގައި ފާހަގަކޮށް ހުށަހެޅި ނުކުތާއަކީ ދަށުކޯޓާއި ހައިކޯޓުގައި ފާހަގަކޮށްފައިވާ ނުކުތާއެއް ކަމަށް ނުވާތީވެ، އެ ނުކުތާއަކީ ސުޕްރީމް ކޯޓުގެ ގަވާއިދާއި، ދިވެހިރާއްޖޭގެ ކޯޓުތަކާބެހޭ ގާނޫނުގެ ދަށުން މިކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ ނުކުތާއެއް ނޫނެވެ.

ހައިކޯޓުގެ ނިންމުން އިސްތިއުނާފުކުރުމަށްޓަކައި ޝަރޫ ލޯންޗް ސަރވިސްގެ ފަރާތުން ހުށަހެޅި ނުކުތާތަކުގެ ތެރެއިން މި ރައުޔުގެ 22 ވަނަ ޕެރެގްރާފުގެ (ނ) ގައި ފާހަގަކޮށް ހުށަހެޅި ނުކުތާގައި ބަޔާންކޮށްފައިވަނީ ހައިކޯޓުން މި މައްސަލައުގައި ނިންމި ނިންމުމަކީ އެކޯޓުން ކުރިން ނިންމާފައިވާ ގަޒިއްޔާއަކާ ފުށުއަރާ ނިންމުމެއް ކަމަށެވެ. ނަމަވެސް، ހައިކޯޓުގެ ނިންމުންތައް ނިންމަންވާނީ ހައިކޯޓުން ކުރިން ނިންމާފައިވާ ނިންމުންތަކާ އެއްގޮތަށް ކަމަށް ލާޒިމުކުރާ ގާނޫނެއް ނުވަތަ ގަވާއިދެއް ނެތުމުން، އެ ނުކުތާއަކީ ސުޕްރީމް ކޯޓުގެ ގަވާއިދާއި، ދިވެހިރާއްޖޭގެ ކޯޓުތަކާބެހޭ ގާނޫނުގެ ދަށުން މިކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ ނުކުތާއެއް ނޫނެވެ.

ނިންމަން ފެންނަ ގޮތް

މަތީގައި ފާހަގަކުރި ފަދައިން ކޮންމެ މައްސަލައެއްގައި އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ހުރިހާ މެންބަރުން އެކުގައި އަދި ވަކިވަކީން ޒިއްމާކުރުވުމުގެ ބަދަލުގައި، ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ ތެރެއިން އެކަމަކަށް ޒިއްމާވާންޖެހޭ އެއް ޑިރެކްޓަރަކު ނުވަތަ ބައެއް ޑިރެކްޓަރުންގެ ވަކި އަމަލަކަށް ނުވަތަ ދަރަންޏަކަށް ޒިއްމާކުރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ. ނަމަވެސް މި މައްސަލައިގައި ފެނަކައިން ދައުވާ ކޮށްފައިވަނީ ޝަރޫ ލޯންޗް ސާރވިސް ކުންފުންޏާއެކު އެކުންފުނީގެ ހުރިހާ ޑިރެކްޓަރުން ޝަޚުސީގޮތުން ޒިއްމާއުފުލަން ޖެހޭނެކަމަށް ކަމުގައި ވެފައި، ދައުވާލިބޭ ޑިރެކްޓަރުންގެ ތެރެއިން ވަކި ޑިރެކްޓަރަކު އެހެން ޑިރެކްޓަރުންނާއެކު މި ދަރަންޏަށް އެފަރާތް ޒިއްމާވާން ނުޖެހޭނެ ސަބަބެއް ނުވަތަ ދިފާއެއް ވަކިން ހުށަހަޅައި އެކަމަށް ވަކިން ވަކާލާތުކޮށްފައި ނުވާތީވެ، މި ގަޒިއްޔާގައި ހިމެނޭ ފައިސާއަށް ޝަރޫ ލޯންޗް ސަރވިސް ކުންފުންޏާއި އެކުންފުނީގެ ހުރިހާ ޑިރެކްޓަރުން ވަކިވަކިން އަދި އެކުގައި ޝަޚުސީގޮތުން ޒިއްމާވާންޖެހޭނެ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ ގާނޫނާއެއްގޮތަށް ކަމަށް ކަނޑައަޅަންފެނެއެވެ.

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު

މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު

މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ހުކުމް

ދެންފަހެ، މަތީގައި ބަޔާންކުރެވުނު ސަބަބުތައް އެހެން ހުރުމުން މި ގަޒިއްޔާގައި ހިމެނޭ ފައިސާއަށް ޝަރޫ ލޯންޗް ސަރވިސް ކުންފުންޏާއި އެކުންފުނީގެ ޑިރެކްޓަރުން ވަކިވަކިން އަދި އެކުގައި ޝަޚުސީގޮތުން ޒިއްމާވާންޖެހޭނެ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ ގާނޫނާއެއްގޮތަށް ކަމަށް މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައިފީމެވެ.

މި ގަޒިއްޔާ ބަލައި ހުކުމް ކުރީ:

ޢާއިޝާ ޝުޖޫން މުޙައްމަދުޙުސްނުއްސުޢޫދުޢަލީ ރަޝީދު ޙުސައިން)ރިޔާސަތު(

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ