ޢަބްދުﷲ ނަޡީމް ވ. އިލެކްޝަންސް ކޮމިޝަން
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޢަބްދުﷲ ނަޡީމް ވ. އިލެކްޝަންސް ކޮމިޝަން
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު
: (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ތާއީދު ކުރައްވާފައި)
ތައާރަފު
މި މައްސަލައަކީ އިންތިޚާބުތަކާބެހޭ އާއްމު ގާނޫނުގެ 21 ވަނަ މާއްދާގެ (ބ) އާއި (ޅ) ގެ ދަށުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލައެކެވެ.
ޢަބްދުﷲ ނަޡީމްގެ ފަރާތުން އިލެކްޝަންސް ކޮމިޝަނުގެ (މައްސަލަ ރައްދުވާ ފަރާތް) މައްޗަށް ހުށަހަޅާފައިވާ މައްސަލައިގައި ބުނެފައިވަނީ އިލެކްޝަންސް ކޮމިޝަނުން 24 ޑިސެމްބަރު 2022 ގައި ބާއްވަން ހަމަޖައްސާފައިވާ ރ. ދުވާފަރު ކައުންސިލުގެ ބައި-އިލެކްޝަނަށް އޭނާ ކުރިމަތިލި ކަމަށާއި ނަމަވެސް އޭނާގެ ކިބައިގައި އިންތިޚާބަށް ކުރިމަތިލާ މީހުންގައި ހުންނަންޖެހޭ ޝަރުތު ފުރިހަމަނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ކަމަށާއި، އެނިންމުން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ގާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ށ) އިން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގު ގެއްލޭގޮތަށް އަދި އިންތިޚާބުތަކާބެހޭ އާންމު ގާނޫނު ގެ 21 ވަނަ މާއްދާގެ (ނ) އާ ޚިލާފަށް ކަމަށްވާތީވެ، އެ ނިންމުމަކީ ބާތިލު ނިންމުމެއް ކަމަށާއި، އެހެންކަމުން އޭނާގެ ކެނޑިޑޭޓުކަން ގަބޫލުކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އަމުރުކޮށްދިނުން އެދޭ ކަމަށެވެ.
މައްސަލައިގައި ކަން ހިނގާފައިވާގޮތް
އިލެކްޝަންސް ކޮމިޝަނުގެ ނަންބަރު (IUL)38-CA/38/2022/328 (8 ނޮވެމްބަރު 2022) އިއުލާނުން 24 ޑިސެމްބަރު 2022 ގައި ރ. ދުވާފަރު ކައުންސިލުގެ ބައި-އިލެކްޝަނެއް ބޭއްވުމަށް އިއުލާންކުރިއެވެ. މި އިއުލާނުގައިވާ ގޮތުން އިންތިޚާބަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 24 ނޮވެމްބަރ 2022 ގެ މފ 14:00 އެވެ.
ރ. ދުވާފަރު ކައުންސިލުގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް ޢަބްދުﷲ ނަޡީމްގެ ފަރާތުން "ލޯކަލް ކައުންސިލުތަކުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމު" އީމެއިލް މެދުވެރިކޮށް ހުށަހެޅީ 24 ނޮވެމްބަރު 2022 ވަނަ ދުވަހުގެ މކ 11:54 ގައެވެ. މި ވާގިއާއަށް މައްސަލަ ރައްދުވާފަރާތުން އިންކާރު ނުކުރެއެވެ.
ޢަބްދުﷲ ނަޡީމްގެ ފަރާތުން ބުނެފައިވަނީ ލޯކަލް ކައުންސިލުތަކުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމާއެކު،އިލެކްޝަންސް ކޮމިޝަނުގެ ނަންބަރު ނަންބަރު (IUL)38-CA/38/2022/328 (8 ނޮވެމްބަރު 2022) އިއުލާނުގައި ބުނެފައިވާ ލިޔުންތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ކަމަށެވެ. މި ވާގިއާއަށް މައްސަލަ ރައްދުވާ ފަރާތުން އިންކާރު ނުކުރެއެވެ.
ޢަބްދުﷲ ނަޡީމްގެ ފަރާތުން ބުނެފައިވަނީ، 24 ނޮވެމްބަރު 2022 ވަނަ ދުވަހުގެ މކ 11:54 ގައި ފޯމު ހުށަހެޅި ފަހުން އެދުވަހުގެ މފ 13:00 އެހާއިރު އިލެކްޝަންސް ކޮމިޝަނުން ޢަބްދުﷲ ނަޡީމްއަށް ފޯނުން ގުޅައި ފޯމާއެކު ހުށަހަޅަންޖެހޭ ދަރަނީގެ ތަފްސީލުގެ ތެރެއިން ސިވިލް ކޯޓު އަދި ފެމެލީ ކޯޓުގެ ދަރަނީގެ ތަފްސީލު ހުށަހެޅުމަށް އަންގާފައިވާ ކަމަށެވެ. އަދި މި މައުލޫމާތު ހޯދުމަށްފަހު 48 ގަޑިއިރުގެ ތެރޭގައި ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް އޭނާއަށް އަންގާފައިވާ ކަމަށެވެ. އެހެން ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ފަހުން ގުޅާފައި އެދުވަހުގެ މފ 19:00 ގެ ކުރިން އެ މައުލޫމާތު ހުށަހެޅުމަށް އޭނާއަށް އަންގާފައިވާ ކަމަށެވެ. މި ވާގިއާތަކަށް މައްސަލަ ރައްދުވާފަރާތުން އިންކާރު ނުކުރެއެވެ.
ޢަބްދުﷲ ނަޡީމްގެ ފަރާތުން ބުނެފައިވަނީ، އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކުގެ ތެރެއިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ފުރަންޖެހޭ ފޯމުގައި ސިވިލް ކޯޓާއި، ފެމެލީ ކޯޓުގެ ރެކޯޑު އެ ޑިޕާޓްމަންޓުން ލިޔެފައި ނެތްކަން އެނގުނީ 24 ނޮވެމްބަރު 2022 ދުވަހުގެ މފ 13:00 ގައި އިލެކްޝަންސް ކޮމިޝަނުން ގުޅާފައި އެވާހަކަ ބުނުމުން ކަމަށާއި، އެހެންކަމުން އެނާ އެ މައުލޫމާތު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ހޯދައި އެދުވަހުގެ މފ 16:57 ގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ. މި ވާގިއާތަކަށް މައްސަލަ ރައްދުވާފަރާތުން އިންކާރު ނުކުރެއެވެ.
ޢަބްދުﷲ ނަޡީމްގެ ކެނޑިޑޭޓުކަން ގަބޫލުނުކުރާ ކަމަށް 24 ނޮވެމްބަރު 2022 ގެ މފ 19:45 ގައި އިލެކްޝަންސް ކޮމިޝަނުން ނިންމައި، "ކެންޑިޑަސީ ޤަބޫލުނުކުރާކަމުގެ ލިޔުން" ޢަބްދުﷲ ނަޡީމްއަށް ފޮނުވިއެވެ. މި ވާގިއާއަށް ދެ ފަރާތުން އެއްބަސްވެއެވެ.
ޢަބްދުﷲ ނަޡީމްގެ ކެނޑިޑޭޓުކަން ގަބޫލުނުކުރާ ކަމަށް ބަޔާންކޮށް އިލެކްޝަންސް ކޮމިޝަނުން ޢަބްދުﷲ ނަޡީމްއަށް ފޮނުވި ލިޔުމުގައި ބުނެފައިވަނީ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމާއެކުގައި ހުށަހަޅަންޖެހޭ ދަރަންޏާއި ކުށުގެ ރެކޯޑް ފޯމުގައި ސިވިލް ކޯޓު އަދި ފެމެލީ ކޯޓު ހިމެނިފައިނުވާކަން ފާހަގަކުރެވޭ ކަމަށާއި، އެހެންކަމުން، ލޯކަލް ކައުންސިލުތަކުގެ އިންތިޚާބުގެ ގާނޫނުގެ 12 ވަނަ މާއްދާގައި އިންތިޚާބަށް ވާދަކުރުމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތުތަކުގެ ތެރޭގައި އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި ދައްކަމުންދާ މީހަކު ކަމުގައިވުން، މިފަދައިން ބަޔާންކޮށްފައިވާ ހިނދު، ގާނޫނުގެ މި މާއްދާގެ ބޭނުމަށް ދަރަނީގެ ރެކޯޑް ސާފުވާނެ ލިޔުމެއް އޮންނަން ޖެހޭއިރު، އެފަދަ ލިޔުމެއް ހުށަހަޅާފައިނުވާ ކަމަށެވެ.
ޢަބްދުﷲ ނަޡީމްގެ ކެނޑިޑޭޓުކަން ގަބޫލުނުކުރާ ކަމަށް 24 ނޮވެމްބަރު 2022 ގެ 19:45 ގެ ފަހުގެ ވަގުތެއްގައި އިލެކްޝަންސް ކޮމިޝަނުން ޢަބްދުﷲ ނަޡީމްއަށް ފޮނުވި ލިޔުމުން ދޭހަވަނީ، އެ ދެކޯޓުގެ މައުލޫމާތު ނެތުމުން، ޢަބްދުﷲ ނަޡީމްގެ ސާބިތު ދަރަންޏެއް އޮތްކަމަށް އެ ކޮމިޝަނުން އިފްތިރާޒުކޮށްފައިވާ ކަމެވެ. އަދި ސާބިތު ދަރަންޏެއް އޮތް ކަމަށް ބެލެވޭތީ، އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި ދައްކަމުންދާ ކަމުގެ ލިޔުމެއް ނުވަތަ ރެކޯޑެއް ހުށަހަޅާފައި ނެތުމުން، ޢަބްދުﷲ ނަޡީމް އިންތިޚާބަށް ކުރިމަތިލުމުގެ ޝަރުތު ހަމަނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ކަމެވެ.
މައްސަލަ ހުށަހެޅި ފަރާތުން ދެއްކި ވާހަކަ
ޢަބްދުﷲ ނަޡީމްގެ ފަރާތުން ބުނެފައިވަނީ، ކައުންސިލުގެ އިންތިޚާބަށް ކުރިމަތިލާން އެދޭ ފޯމާއެކު އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތުގެ ދަރަނީގެ ރެކޯޑާއި ކުށުގެ ރެކޯޑު ސާފުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ފޯމެއް ފުރިހަމަކުރަން ޖެހޭ ކަމަށާއި، އެ ފޯމުގައި ބުނެފައިވާ ގޮތުން އެ ފޯމު ފުރިހަމަކުރަންޖެހެނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކަމަށެވެ. އަދި އެފަރާތުން އެ ފޯމު ފުރިހަމަކުރާނީ ސުޕްރީމް ކޯޓާއި، ހައިކޯޓާއި، ކްރިމިނަލް ކޯޓާއި، ސިވިލް ކޯޓާއި، ފެމިލީ ކޯޓާއި، ޑްރަގް ކޯޓުގެ އިތުރުން މެޖިސްޓްރޭޓް ކޯޓުތަކުގެ ރެކޯޑުތައް ބެލުމަށްފަހުގައި ކަމަށް އެ ފޯމުގައި ލިޔެފައިވާ ކަމަށެވެ.
ޢަބްދުﷲ ނަޡީމްގެ ފަރާތުން އިތުރަށް ބުނެފައިވަނީ، 22 ނޮވެމްބަރު 2022 ދުވަހު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ފުރާފައި ޢަބްދުﷲ ނަޡީމްއަށް ދިން ފޯމުގައި ވަނީ ސުޕްރީމް ކޯޓާއި، ހައިކޯޓާއި، ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ އިތުރުން ރ. ދުވާފަރު މެޖިސްޓްރޭޓް ކޯޓުގައި ރެކޯޑެއް ނެތް ކަމަށް ބަޔާންކޮށްފައި ކަމަށެވެ. ފޯމުގައި ރެކޯޑު ސާފުކުރަންޖެހޭނެ ކަމަށް ބުނެފައިވާ ކޯޓުތަކުގެ ތެރެއިން ސިވިލް ކޯޓާއި، ފެމިލީ ކޯޓުގެ ރެކޯޑެއް ލިޔެފައި ނެތެވެ. އަދި އެކަން އޭނާއަށް އެނގުނީ ފޯމު ހުށަހެޅިފަހުން އިލެކްޝަންސް ކޮމިޝަނުން ގުޅާފައި އެވާހަކަ އޭނާ ގާތު ބުނުމުން ކަމަށެވެ.
ޢަބްދުﷲ ނަޡީމްގެ ފަރާތުން އިތުރަށް ބުނެފައިވަނީ އިންތިޚާބުތަކާބެހޭ އާންމު ގާނޫނުގެ 21 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވާ ގޮތުން އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހާ ހުށަހަޅާ ހުށަހެޅުން ކޮމިޝަނުން ގަބޫލުނުކުރާ ކަމަށް ކަނޑައަޅަންވާނީ އެ އިންތިޚާބަށް ކުރިމަތިލުމަށް ފުރިހަމަ ވާންޖެހޭ ޝަރުތެއް ފުރިހަމަ ނުވާނަމަ، ނުވަތަ މި ގާނޫނުގެ 16 އަދި 17 ވަނަ މާއްދާގެ ދަށުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭ މައުލޫމާތާއި، ތަކެތި ފުރިހަމައަށް ނެތް ނަމަ، ނުވަތަ އެތަކެތީގެ ތެރެއިން އެއްޗެއް ސައްހަ ނޫން ކަމަށް އިލެކްޝަންސް ކޮމިޝަނަށް ގަބޫލުކުރެވޭ ހާލަތުގައި ކަމަށެވެ. އެހެން ނަމަވެސް، އިންތިޚާބަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތު އޭނާގައި ފުރިހަމަނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވަނީ، އިންތިޚާބުތަކާބެހޭ ޢާންމު ގާނޫނުގެ 16 އަދި 17 ވަނަ މާއްދާގެ ދަށުން އޭނާ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ މައުލޫމާތާއި ތަކެއްޗަކީ ފުރިހަމަ އަދި ސައްހަ ތަކެތިކަން އެނގިތިބެ، އަދި ޝަރުތު ފުރިހަމަވާ ފަރާތެއްކަން އެނގިތިބެ ކަމަށެވެ.
މައްސަލަ ހުށަހެޅި ފަރާތުގެ ވާހަކައަކީ އިންތިޚާބަށް ކުރިމަތިލާމީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތު ޢަބްދުﷲ ނަޡީމްގައި ފުރިހަމަނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި އިރު، ޢަބްދުﷲ ނަޡީމް ހުށަހަޅާފައިވާ މައުލޫމާތާއި ލިޔެކިޔުންތަކަކީ ފުރިހަމަ އަދި ސައްހަ ލިޔެކިޔުންތަކެއްކަން އިލެކްޝަންސް ކޮމިޝަނަށް އެނގޭ ކަމަށެވެ. އެ ހާލަތުގައި، ޢަބްދުﷲ ނަޡީމްގެ ކިބައިގައި އިންތިޚާބަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތު ފުރިހަމަނުވާ ކަމަށް ކަނޑައެޅުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބިގެން ނުވާކަމަށެވެ.
ޢަބްދުﷲ ނަޡީމްގެ ފަރާތުން ބުނެފައިވަނީ ދަރަނީގެ ރެކޯޑާއި ކުށުގެ ރެކޯޑު ސާފުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ފޯމު ރަނގަޅަށް ފުރުމަކީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ މަސްއޫލިއްޔަތެއް ކަމަށެވެ.
މައްސަލަ ރައްދުވާ ފަރާތުން ދެއްކި ވާހަކަ
މައްސަލަ ރައްދުވާ އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ޢަބްދުﷲ ނަޡީމްގެ ފޯމު ނުވަތަ ކެނޑިޑޭޓުކަން ބަލައިނުގަތުމަށް ނިންމީ، އެ ފޯމާއެކުގައި ހުށަހަޅަންޖެހޭ ދަރަނީގެ ރެކޯޑު އިއުލާނުގައިވާ ސުންގަޑިއަށް ފުރިހަމަކުރުމަށްފަހު އޭނާގެ ފަރާތުން ހުށަހަޅާފައިނުވާތީ ކަމަށެވެ. އަދި ދަރަނީގެ ރެކޯޑް ފުރިހަމަކުރުމަށްފަހު އެ ރެކޯޑް ފުރަތަމަ ހުށަހެޅިއިރު މަދުވާ ބައި ޢަބްދުﷲ ނަޡީމްގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް ފޯރުކޮށްދީފައިވަނީ 24 ނޮވެމްބަރު 2022 ދުވަހުގެ މފ 16:57 ގައިކަމަށާއި، އެ ލިޔުން ބަލައިގެންފައިނުވަނީ އެ ލިޔުން ޢަބްދުﷲ ނަޡީމް ހުށަހަޅާފައިވަނީ އެދުވަހުގެ މފ 14:00 ގެ ފަހުން ކަމަށްވާތީ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވެއެވެ.
ދަރަނީގެ ރެކޯޑު ފުރިހަމަނުވުން
ލޯކަލް ކައުންސިލުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ދަރަންޏާއި ކުށުގެ ރެކޯޑު ފޯމަކީ އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑްކޮށްގެން ކެނޑިޑޭޓުކަމަށް ކުރިމަތިލާމީހާގެ ފަރާތުން ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނަށް އެފޯމު ހުށަހެޅުމުން، އެކި ކޯޓުތަކުން އެ މައުލޫމާތު ސާފުކުރުމަށްފަހު، އެ ޑިޕާޓްމަންޓުން ފުރާފައި ދޭ ރެކޯޑެކެވެ.
މަތީގައި ބަޔާންކުރެވުނު ގޮތުގެ މަތިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ރެކޯޑް ތައްޔާރުކުރިއިރު ފެމެލީ ކޯޓާއި ސިވިލް ކޯޓުގެ ރެކޯޑު އެޑިޕާޓްމަންޓުން ޢަބްދުﷲ ނަޡީމްއަށް ދޫކުރި ލިޔުމުގައި ހިމެނިފައި ނެތީ ކީއްވެގެން ކަން ސާފުކުރުމަށް މި ކޯޓުން އެ ޑިޕާޓްމަންޓަށް ސިޓީއެއް ފޮނުވުމުން، މި ކޯޓުގެ ސިޓީގެ ޖަވާބުގައި އެ ޑިޕާޓްމަންޓުން ވިދާޅުވެފައިވަނީ ފުރަތަމަ ރެކޯޑް ދޫކުރެވުނު އިރު އެ މައުލޫމާތު ނުހިމަނައި ރެކޯޑް ދޫކުރެވުނީ ކަމަށާއި، މަދުވާ މައުލޫމާތު ފަހުން ރަނގަޅަށް ލިޔެފައި އެ ޑިޕާޓްމަންޓުން އަލުން ލިޔުމެއް ދޫކުރީ ކަމަށެވެ. ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ފޮނުވާފައިވާ މިސިޓީ ޚަސްމުންނާ ސުޕްރީމް ކޯޓުގެ ޝަރިއަތުގެ ފަރާތުން ހިއްސާކޮށް، އެސިޓީގައިވާ ކަންކަމާމެދު ޚަސްމުންނާ ސުވާލުކުރުމުން، މި ސިޓީގައި ބަޔާންކޮށްފައިވާ ކަންކަމަށް އެއްވެސް ޚަސްމެއްގެ ފަރާތުން އިންކާރުކޮށްފައި ނުވެއެވެ.
ލޯކަލް ކައުންސިލުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ދަރަންޏާއި ކުށުގެ ރެކޯޑްއަކީ އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑުކޮށްގެން ކެނޑިޑޭޓް ކަމަށް ކުރިމަތިލާ މީހާގެ ފަރާތުން ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނަށް އެފޯމު ހުށަހެޅުމުން އެކި ކޯޓުތަކުން އެ މައުލޫމާތު ސާފުކުރުމަށްފަހު، ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ދޭ ރެކޯޑެއް ކަމަށްވާއިރު، އެ ރެކޯޑް އެ ޑިޕާޓްމަންޓުން ދިން ގޮތަށް 24 ނޮވެމްބަރު 2022 ދުވަހުގެ މފ 14:00 ގެ ކުރިން ޢަބްދުﷲ ނަޡީމްގެ ފަރާތުން ހުށަހެޅިކަމާމެދު ޚަސްމުންގެ މެދުގައި ޚިލާފެއް ނެތެވެ. އެހެންކަމުން، ޚިލާފު އުފެދިފައިވާ ނުކުތާއަކީ ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ޢަބްދުﷲ ނަޡީމްއަށް ދޫކުރި ދަރަންޏާއި ކުށުގެ ރެކޯޑް ޢަބްދުﷲ ނަޡީމްގެ ފަރާތުން ހުށަހެޅިކަން އެނގެން އޮތް އިރު، އިންތިޚާބަށް ކުރިމަތިލާން އެދި ހުށަހަޅާފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ހަމައަށް އަދި ސުންގަޑީގެ ކުރިން ހުށަހަޅާފައިނެތް ކަމަށް ބަލައި ޢަބްދުﷲ ނަޡީމްގެ ކެނޑިޑޭޓުކަމުގެ ޝަރުތު ހަމަނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ގާނޫނާ އެއްގޮތަށް ކަމާމެދުގައެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ޢަބްދުﷲ ނަޡީމްގެ ފޯމު ނުވަތަ ކެނޑިޑޭޓުކަން ބަލައިނުގަތުމަށް ނިންމީ، އެ ފޯމާއެކުގައި ހުށަހަޅަންޖެހޭ ދަރަނީގެ ރެކޯޑް ހުށަހަޅާފައި ނުވާތީ ކަމަށެވެ. ނަމަވެސް، އެ ރެކޯޑް ފުރިހަމަވެފައި ނެތީ ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނަށް އަރާފައިވާ އޮޅުމަކުން ކަން މި ކޯޓަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ފޮނުވި ސިޓީއިންނާއި ދެފަރާތުން ޝަރިއަތުގެ މަޖިލީހުގައި ދެއްކި ވާހަކަތަކުން އެނގެއެވެ.
ނިންމަން ފެންނަ ގޮތް
އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމާއެކު، ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންއިން ޢަބްދުﷲ ނަޡީމްއަށް ދޫކުރި ދަރަންޏާއި ކުށުގެ ރެކޯޑް އިންތިޚާބަށް ކުރިމަތި ލުމުގެ ސުންގަޑި ހަމަވުމުގެ ކުރިން ޢަބްދުﷲ ނަޡީމްގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅިކަން އެނގޭތީ އާއި، އެ ލިޔުން މުޅިން ފުރިހަމަވެފައި ނެތީ، ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން އެ ރެކޯޑް ތައްޔާރުކުރުމުގައި އަރާފައިވާ އޮޅުމަކުން ކަން އެނގޭތީ އާއި، ހަމަ އެދުވަހު ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ދޫކުރި ރެކޯޑް އިސްލާހުކޮށް ދޫކުރި ލިޔުން ޢަބްދުﷲ ނަޡީމްގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާތީ އާއި، އޭނާގެ ފަރާތުން އެ ރެކޯޑް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ އޭނާގެ ކެނޑިޑޭޓްކަމާމެދު އެ ކޮމިޝަނުން ގޮތެއް ކަނޑައެޅުމުގެ ކުރިން ކަމަށްވާތީވެ، އިންތިޚާބަށް ކުރިމަތިލާން އެދި ހުށަހަޅާ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ހަމައަށް އަދި ސުންގަޑީގެ ކުރިން ހުށަހަޅާފައިނެތް ކަމަށް ބަލައި ޢަބްދުﷲ ނަޡީމްގެ ކެނޑިޑޭޓުކަމުގެ ޝަރުތު ހަމަނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ގާނޫނާ އެއްގޮތަށް ކަމަށް ނުފެންނާތީވެ، އިލެކްޝަންސް ކޮމިޝަނުގެ އެ ނިންމުން ބާތިލުކުރަން ފެނެއެވެ. އަދި މަތީގައި ބަޔާންކުރި ސަބަބުތައް އެހެންހުރުމުން، އިލެކްޝަންސް ކޮމިޝަނުން 24 ޑިސެމްބަރު 2022 ގައި ބާއްވަން ހަމަޖައްސާފައިވާ ރ. ދުވާފަރު ކައުންސިލުގެ ބައި-އިލެކްޝަނަށް ޢަބްދުﷲ ނަޡީމްގެ ކެނޑިޑޭޓުކަން ގަބޫލުކުރުމަށް އިލެކްޝަންސް ކޮމިޝަނަށް އަންގަން ފެނެއެވެ.
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު
މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު
މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ހުކުމް
ދެންފަހެ، މަތީގައި ބަޔާންކުރި ސަބަބުތައް އެހެން ހުރުމުން، 24 ޑިސެމްބަރު 2022 ގައި އިލެކްޝަންސް ކޮމިޝަނުން ބާއްވަން ހަމަޖައްސާފައިވާ ރ. ދުވާފަރު ކައުންސިލުގެ ބައި-އިލެކްޝަނަށް ކުރިމަތިލާފައިވާ ޢަބްދުﷲ ނަޡީމް އަކީ އެ އިންތިޚާބުގެ ކެނޑިޑޭޓުކަމުގެ ޝަރުތު ފުރިހަމަވާ މީހެއް ނޫން ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވަނީ ސައްހަ ގާނޫނީ އަސާސެއްގެ މައްޗަށް ބިނާކޮށްގެން ކަމަށް ނުވާތީވެ، މި ބަޔާންކުރި އިންތިޚާބުގައި ޢަބްދުﷲ ނަޡީމްގެ ކެނޑިޑޭޓުކަން ގަބޫލުކުރަންޖެހޭކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ކަނޑައަޅައި، މިގޮތުގެ މަތީން އަމަލުކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އަމުރުކުރަމެވެ.
މި ގަޒިއްޔާ ބަލައި ހުކުމް ކުރީ:
ޢާއިޝާ ޝުޖޫން މުޙައްމަދުޙުސްނުއްސުޢޫދުމަޙާޒު ޢަލީ ޒާހިރު(ރިޔާސަތު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.