ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2021] SC 36 · 2021/SC-E/02ސުޕްރީމް ކޯޓު · 30 މާރިޗު 2021

އިލެކްޝަން ކޮމިޝަން ވ. ޙަސަން މޫސާ

ސުޕްރީމް ކޯޓު
2 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 30 މާރިޗު 2021ބާވަތް: އިންތިޚާބީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

2021/SC-E/02

ޝަރީޢަތް ނިމުނުގޮތް

އިލެކްޝަންސް ކޮމިޝަން ވ. ޙަސަން މޫސާ

ފަނޑިޔާރުންގެ މަޖިލިސް

ފަނޑިޔާރު ޙުސްނުއްސުޢޫދުފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންނިމުނު ތާރީޚު

30 މާރޗް 2021މައްސަލަ ރައްދުވާ ފަރާތް

މައްސަލަ ހުށަހަޅާ ފަރާތް

ޙަސަން މޫސާ

އިލެކްޝަންސް ކޮމިޝަން

ޤާނޫނީ ވަކީލު: މުޙައްމަދު ފައިޞަލް

ޤާނޫނީ ވަކީލު: ނޫރުއްސަލާމް އަބޫބަކުރު، ލެކްސަވީ ޗެމްބަރސް، އެލްއެލްޕީބަދަލުގައި: އިސްމާޢީލް ޙަބީބު ޢަބްދުއްރަހީމް

އިންތިޚާބީ - ލޯކަލް ކައުންސިލް އިންތިޚާބު – ކެނޑިޑޭޓުގެ ޝަރުތުހަމަވުމާ މެދު ޚިލާފު އުފެދުން – ސާބިތު ދަރަނި މާނަކުރުން – ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ (7) `

އިލެކްޝަންސް ކޮމިޝަން ވ. ޙަސަން މޫސާ

ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ތާއީދު ކުރައްވާފައި)

ތައާރުފު

މިއީ އިންތިޚާބަށް ކުރިމަތިލުމުގެ ޝަރުތާބެހޭގޮތުން އިލެކްޝަންސް ކޮމިޝަނުން މިކޯޓަށް ހުށަހެޅި މައްސަލައެކެވެ. މި މައްސަލައިގައި އިލެކްޝަންސް ކޮމިޝަނުން ހުށަހެޅި ހުށަހެޅުމުގައި ބުނެފައިވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 ގައި ތ. ކަނޑޫދޫ ރަށު ކައުންސިލްގެ ރައީސްގެ މަގާމަށް ކުރިމަތިލާފައިވާ ޙަސަން މޫސާ (މީގެފަހުން ޙަސަން މޫސާ) އަކީ ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ގާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރުގައި ބަޔާންކުރާ ޝަރުތު ފުރިހަމަވާ ފަރާތަކަށް ނުވާތީވެ، މި މައްސަލައަކީ މި ބަޔާންކުރެވުނު ޙަސަން މޫސާގެ ކެނޑިޑޭޓު ކަމާމެދު އިލެކްޝަންސް ކޮމިޝަނުން ގޮތެއް ނިންމުމުގެ ކުރިން، މި ކޯޓުގެ ޙަސަން މޫސާ ވ. އިލެކްޝަންސް ކޮމިޝަން ގަޒިއްޔާގެ 9.9 ވަނަ ޕެރެގްރާފުގައިވާ ގޮތަށް، އޭނާގެ ޝަރުތު ހަމަވުމާބެހޭ ގޮތުން މި ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ މައްސަލައެއް ކަމަށެވެ.

މައްސަލައިގައި ކަން ހިނގާފައިވާ ގޮތް

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ގާނޫނު ގެ 9 ވަނަ މާއްދާގެ (ހ) ގެ ދަށުން 2020 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 ގައި ތ. ކަނޑޫދޫ ދާއިރާގެ ރަށު ކައުންސިލުގެ ރައީސްގެ މަގާމަށް ކުރިމަތިލުމަށް އެދި އިންތިޚާބަށް ކުރިމަތިލުމަށް ހުށަހަޅާ ނަންބަރު LCE/B/PPM/2020/0297 ފޯމުން، ޙަސަން މޫސާ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވެއެވެ.

ޙަސަން މޫސާ އިންތިޚާބަށް ކުރިމަތިލުމަށް ހުށަހެޅި ހުށަހެޅުމުގައިވާ މައުލޫމާތާއި ތަކެތި ބެލުމަށްފަހު، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ގާނޫނުގައިވާ ގޮތުގެމަތިން އިންތިޚާބަށް ކުރިމަތިލާ ފަރާތެއްގެ ޝަރުތު ފުރިހަމަވާތީ، އޭނާގެ ކެނޑިޑޭޓުކަން ބަލައިގަނެ، ކެނޑިޑޭޓުކަން ގަބޫލުކުރިކަން 22 ފެބްރުއަރީ 2020 ގައި އިލެކްޝަންސް ކޮމިޝަނުން ޙަސަން މޫސާއަށް އަންގާފައިވެއެވެ.

ޙަސަން މޫސާގެ ކެނޑިޑޭޓުކަން ބަލައިގެންފައިވަނިކޮށް، 2 ނޮވެމްބަރ 2020 ގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އިން އިލެކްޝަންސް ކޮމިޝަނަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ އެ ޑިޕާޓްމަންޓަށް ހުށަހެޅުނު ޝަކުވާއަކާ ގުޅިގެން އިތުރަށް ބެލިބެލުމުގައި، ޙަސަން މޫސާގެ މައްޗަށް ދަރިންގެ ސާބިތު ޚަރަދުގެ މައްސަލައިގައި ފައިސާ ނުދައްކައިގެން ސާބިތު ޚަރަދު ހޯދުމުގެ ދައުވާއެއްކޮށް، އެ މައްސަލައިގައި ހުކުމްކޮށްފައިވާ ކަމަށެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ގާނޫނުގެ ދަށުން ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރުމަށް އެދި ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް އެ ގާނޫނުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން، އިންތިޚާބަށް ކުރިމަތިލާ ކެނޑިޑޭޓަކީ، އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ މީހަކު ކަމުގައިވާންޖެހޭކަމަށް، އެ މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރުގައި ބަޔާންކޮށްފައި ވެއެވެ.

އެހެންކަމުން، އިލެކްޝަންސް ކޮމިޝަނުން މި ކޯޓަށް ހުށަހެޅި ހުށަހެޅުމުގައި ބުނެފައިވަނީ ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ އިސްވެ ބަޔާންކުރެވުނު ސިޓީގައި ބަޔާންކޮށްފައިވާ ކަންތަކަށް ބަލާއިރު، ޙަސަން މޫސާއަކީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޝަރުތު ފުރިހަމަވާ ފަރާތެއް ކަމަށް ނުބެލެވޭނެ ކަމަށެވެ.

އިޖުރާއީ އިއުތިރާޒު

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އޮތް މި ގަޒިއްޔާގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުމުގައި މައްސަލަ ރައްދުވާ ޙަސަން މޫސާގެ ފަރާތުން އޭނާގެ ވަކީލު އިޖުރާއީ ނުކުތާއެއް ހުށަހަޅައި މި މައްސަލައަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނުބެލޭނެ މައްސަލައެއް ކަމަށް ބުނެފައިވެއެވެ.

ޙަސަން މޫސާގެ ފަރާތުން ހުށަހެޅި އިޖުރާއީ ނުކުތާގައި ބުނެފައިވަނީ މި މައްސަލައަކީ މީގެ ކުރިން އިލެކްޝަންސް ކޮމިޝަންގެ ފަރާތުން 2020 ޑިސެމްބަރު 28 ވަނަ ދުވަހު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކަށްވާ އިރު، އިލެކްޝަންސް ކޮމިޝަނުން ހުށަހެޅި ހުށަހެޅުމާ ގުޅިގެން ސުޕްރީމް ކޯޓުގެ ނަންބަރު SC-197/REG/2021/02 ރެޖިސްޓްރާރގެ ނިންމުން (10 ޖެނުއަރީ 2021) އިން އެ މައްސަލަ ސުޕްރީމް ކޯޓަށް ބަލައި ނުގަތުމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާއިރު، ރަޖިސްޓްރާގެ އެ ނިންމުން އިލެކްޝަންސް ކޮމިޝަނުން އިސްތިއުނާފުކޮށްފައި ނުވާ ކަމަށާއި، އެ ނިންމުން އިސްތިއުނާފުކުރުމަށް ހުށަނާޅައި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރުމަށް ގާނޫނުގައި ބުނާ ޝަރުތު ހަސަން މޫސާގެ ކިބައިގައި ފުރިހަމަ ނުވާކަމަށް ބުނެ އޭނާގެ ކެނޑިޑޭޓުކަން ބާތިލުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމުން، އިލެކްޝަންސް ކޮމިޝަންގެ އެ ނިންމުން އޭނާގެ ފަރާތުން ސުޕްރީމް ކޯޓުގައި ތައުނުކޮށް ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-E/01 ގަޒިއްޔާއިން ބަލައި ހުކުމްކޮށްފައިވާތީވެ، އެފަހުން އެ ހުކުމް ސުޕްރީމް ކޯޓުން ކުރުމުން އަނެއްކާވެސް އައު މައްސަލައެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން މި މައްސަލަ އިތުރަށް ސުޕްރީމް ކޯޓުގައި ހިންގުން ވެގެންދާނީ އިޖުރާއީ އަދުލުވެރިކަން ނަފީކުރެވިގެންދާ ކަމެއް ކަމަށެވެ. ނަމަވެސް މި މައްސަލަ މިގޮތަށް ބެލުމުން އިޖުރާއީ އަދުލުވެރިކަން ނަފީކުރެވިގެންދާ ގޮތެއް މައްސަލަ ރައްދުވާ ފަރާތުގެ ހުށަހެޅުމުގައި ސާފުކޮށްދީފައި ނުވެއެވެ.

މައްސަލަ ރައްދުވާ ފަރާތުގެ މި ނުކުތާއަށް ޖަވާބުދެމުން މައްސަލަ ހުށަހެޅި ފަރާތުން ބުނެފައިވަނީ، މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ، މި މައްސަލައަކީ މައްސަލަ ރައްދުވާ ފަރާތުން އިންތިޚާބަށް ކުރިމަތިލުމަށް ޝަރުތު ހަމަވުމާ ބެހޭގޮތުން ގޮތެއް ކަނޑައަޅަންޖެހޭ މައްސަލައެއް ކަމަށް ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-E/01 ގަޒިއްޔާގެ 9.9 ވަނަ ޕެރެގްރާފުގައި ބަޔާންކޮށްފައިވާތީ ކަމަށެވެ.

މި މައްސަލަ އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-E/01 ގަޒިއްޔާގެ ހުކުމާ އެއްގޮތަށް ކަމަށްވާތީވެ، ހުށަހެޅިފައި މިވާ މައްސަލަ މި ކޯޓުގައި ކުރިއަށް ގެންދިއުމަށް އިޖުރާއީ ގޮތުން އެއްވެސް ހުރަހެއް ނެތެވެ.

ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ ނުކުތާ

އިލެކްޝަންސް ކޮމިޝަނުން މިކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ލޯކަލް ކައުންސިލް 2020 ގެ އިންތިޚާބަށް ޙަސަން މޫސާގެ ކެނޑިޑޭޓުކަން ބަލައިގަނެ، ކެނޑިޑޭޓުކަން ގަބޫލުކުރިކަން 22 ފެބްރުއަރީ 2020 ގައި އިލެކްޝަންސް ކޮމިޝަނުން އޭނާއަށް އަންގާފައިވަނިކޮށް ޙަސަން މޫސާއަކީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޝަރުތު ފުރިހަމަވާ ފަރާތެއް ނޫންކަން އެނގިފައިވާ ކަމަށެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރުގައި ބުނެފައިވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރުމަށް އެދި ކުރިމަތިލާ މީހަކީ އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ އެމީހަކީ ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ މީހަކު ކަމަށް ވާންޖެހޭނެ ކަމަށެވެ.

އެހެންކަމުން، މި މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ ނުކުތާއަކީޙަސަން މޫސާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 ގައި ތ. ކަނޑޫދޫ ރަށު ކައުންސިލްގެ ރައީސްކަމަށް ވާދަކުރުމަށް 17 ފެބްރުއަރީ 2020 ގައި އޭނާގެ ކެނޑިޑޭޓްކަމުގެ ފޯމު ހުށަހެޅިއިރު، އޭނާއަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރުގައި ބުނާ ފަދައިން އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހެއްތޯ އާއި އަދި ދައްކަންޖެހޭ ސާބިތު ދަރަންޏެއް އޮތްނަމަ ޙަސަން މޫސާ ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ގެންގޮސްފައި ވޭތޯ ނުވަތަ ނޫންތޯ އެވެ.

ސާބިތު ދަރަނި

ސުވާލަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރުގައިވާ "ސާބިތު ދަރަނި" އަކީ ކޮބައިތޯއެވެ. ވަކިން ޚާއްސަކޮށް، އެ އިބާރާތުގެ ތެރޭގައި ކޯޓުގެ ހުކުމަކުން ސާބިތުކޮށްފައިވާ ދަރިންގެ ޚަރަދު ހިމެނޭތޯ ނުވަތަ ނޫންތޯއެވެ.

ޙަސަން މޫސާގެ ފަރާތުން އޭނާގެ ވަކީލު ޝަރީއަތުގެ މަޖިލީހުގައި ބުނެފައިވަނީ މައްސަލަ ހުށަހެޅި ފަރާތުން ހަވާލާދީފައިވަނީ ފ. ބިލެއްދޫ ކޯޓުން ސާބިތުވެފައިވާ ޚަރަދެއްގެ މައްޗަށް ކަމަށާއި ސާބިތު ޚަރަދާއި ސާބިތު ދަރަންޏަކީ ދެ އެއްޗެއް ކަމަށްވެފައި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރުގައި ހަވާލާދީފައިވަނީ ސާބިތު ދަރަންޏަށް ކަމަށްވާތީވެ، ބަހުސްގެ ބޭނުމަށްޓަކައި ސާބިތު ޚަރަދެއް އޮތް ކަމަށް ބެލިއަސް، މައްސަލަ ރައްދުވާ ފަރާތުގެ ސާބިތު ދަރަންޏެއް ނެތުމުން، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރުގެ ދަށުން އިންތިޚާބަށް ކުރިމަތިލުމުން ޑިސްކޮލިފައި ނުވާނެ ކަމަށެވެ. މި ނުކުތާއާ ގުޅިގެން އިލްކެޝަންސް ކޮމިޝަނުގެ ނައިބު ރައީސްއާ ފަނޑިޔާރުންގެ ބެންޗުން ސުވާލުކުރުމުން އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ބުނެފައިވަނީ މީގެ ކުރީގެ އިންތިޚާބުތަކުގައި ވެސް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ (7) ވަނަ މާއްދާ އިލެކްޝަންސް ކޮމިޝަނުން މާނަކުރަނީ ސާބިތު ދަރަނީގެ ތެރޭގައި ސާބިތު ޚަރަދު ހިމެނޭ ގޮތަށް ކަމަށާއި އެ މާއްދާ އެގޮތަށް މާނަކޮށް ކެނޑިޑޭޓުން މީގެ ކުރިންވެސް މި މާއްދާގެ ދަށުން ޑިސްކޮލިފައި ކޮށްފައިވާ ކަމަށެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ސާބިތު ދަރަނީގެ ތެރޭގައި ސާބިތު ޚަރަދު (ކޯޓުގެ ހުކުމެއްގެ ދަށުން ދައްކަންޖެހޭ ދަރިންގެ ޚަރަދު) ހިމެނޭ ކަމަށް، ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައިވާ ނަންބަރު2011/SC-E/21 އަދި 2011/SC-E/28 ގަޒިއްޔާ ތަކުގައި މާނަކޮށް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ ޝަރުތު ހަމަނުވާކަމަށް ކަނޑައަޅާފައިވެއެވެ.

ސާބިތު ދަރަންޏަކީ، ކޯޓުގެ ހުކުމެއްގެ ދަށުން އެއް ފަރާތުން އަނެއް ފަރާތަށް ދެއްކުން ލާޒިމުވާ ފައިސާއެވެ. އެ ފައިސާއަކީ ދަރިންގެ ޚަރަދުކަމަށް ވިޔަސް، އަނބިމީހާއަށް ކުރަންޖެހޭ ޚަރަދުކަމަށް ވިޔަސް، މައިންބަފައިން ބެލުމުގެ ޚަރަދުކަމަށް ވިޔަސް ނުވަތަ ދޯންޏެއް މަރާމާތު ކުރުމުގެ ޚަރަދެއް ކަމަށް ވިޔަސް އަދި ގެއްލުމުގެ ބަދަލުގެ ގޮތުގައި ކޯޓުން ނަގައިދޭ ފައިސާއެއް ކަމަށް ވިޔަސް، މީހަކު އެހެން މީހަކަށް ދައްކަން ކޯޓުގެ އަމުރަކުން ލައްވާ ކޮންމެ ފައިސާއަކީ ސާބިތު ދަރަންޏެވެ. އެއަށް ކިޔާ ނަން ތަފާތުވުމަކުން، އެ ސާބިތު ދަރަންޏަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރުގެ ދާއިރާއިން ބޭރަށް ނިކުންނާނޭ ސާބިތު ދަރަންޏެއް ނޫނެވެ. ކޯޓުގެ ހުކުމަކުން ލައްވާ ފައިސާއެއްގެ ނަން ތަފާތުވުމަކުން، ކޯޓުގެ ހުކުމަކުން ލައްވާ ފައިސާއެއްގެ ގާނޫނީ ނަތީޖާއަށް ބަދަލެއް ނާންނާނެއެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރުގެ މަގްސަދަކީ ކޯޓުގެ ހުކުމަކުން މީހެއްގެ މައްޗަށް އެއްވެސް ބާވަތެއްގެ ފައިސާއެއް ދެއްކުމަށް އަމުރެއް ކޮށްފައި އޮވެ، ހުކުމާ އެއްގޮތަށް އެމީހަކު އެ ފައިސާ ދައްކަމުން ނުގެންދާނަމަ އިންތިޚާބުގައި އެމީހަކަށް ވާދަކުރުމުގެ ފުރުސަތު ނުދިނުމެވެ.

ކޯޓެއްގެ ހުކުމެއްގެ ދަށުން ދައްކަންޖެހޭ ފައިސާއެއް ހުކުމާ އެއްގޮތަށް ޙަސަން މޫސާ ނުދައްކައި އެބައޮތްތޯ؟

ނިލަންދެ އަތޮޅު އުތުރުބުރީ ބިލެއްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 20/L3C/2018 ގަޒިއްޔާގެ ހުކުމުގައި ބުނެފައިވަނީ ޙަސަން މޫސާއާއި އައިޝަތު އާތިފާ އާ ދެމީހުންގެ ދެ ދަރިންގެ ޚަރަދަށް 2018 ގެ ނޮވެމްބަރު މަހުގެ ނިޔަލަށް ޙަސަން މޫސާ ދައްކަންޖެހި ނުދައްކައިވާ ޖުމްލަ 94,230.37 (ނުވަދިހަ ހަތަރު ހާސް ދުއިސައްތަ ތިރީސް ރުފިޔާ ތިރީސްހަތް ލާރި) އެބަ އޮތް ކަމަށާއި މި ދެމީހުންގެ ދެ ދަރިންގެ ޚަރަދާ ގުޅޭ އެ ކޯޓުގެ ނަންބަރު 08/L3C/2017 ގަޒިއްޔާގެ ސާބިތު ޚަރަދުގެ މައްސަލައިގެ ހުކުމްކުރި ފަހުން ވެއަތުވެ ދިޔަ 13 މަސްދުވަހުގެ ތެރޭގައި ޙަސަން މޫސާ ދައްކަން ޖެހޭ މިންވަރަކީ 39,000.00 (ތިރީސްނުވަ ހާސް ރުފިޔާ) ކަމަށާއި، އެ މުއްދަތުގައި ޙަސަން މޫސާ ދައްކާފައިވަނީ 39,000.00 (ތިރީސްނުވަ ހާސް ރުފިޔާ) ކަން އެނގޭ އިރު އިސްވެ ބަޔާންކުރި ގަޒިއްޔާގައި ހުކުމްކުރި ދުވަހާ ހަމައަށް ޙަސަން މޫސާ ދައްކަންޖެހި ނުދައްކައި އޮތް ޖުމްލަ 94,230.37 (ނުވަދިހަ ހަތަރު ހާސް ދުއިސައްތަ ތިރީސް ރުފިޔާ ތިރީސްހަތް ލާރި) އޮތުމުން 2018 ގެ ނޮވެމްބަރު މަހުގެ ނިޔަލަށް ދައްކަންޖެހި ނުދައްކައި އޮތް ޖުމްލަ 94,230.37 (ނުވަދިހަ ހަތަރު ހާސް ދުއިސައްތަ ތިރީސް ރުފިޔާ ތިރީސްހަތް ލާރި) 6 ޑިސެމްބަރު 2018 ދުވަހުން ފެށިގެން 3 މަސް ދުވަހުގެ ތެރޭގައި ދައްކައި ޚަލާސްކުރުމަށް އަމުރުކުރާ ކަމަށެވެ.

ނިލަންދެ އަތޮޅު އުތުރުބުރީ ބިލެއްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 20/L3C/2018 ގަޒިއްޔާގެ ހުކުމުން އެނގެނީ، އެ ހުކުމް ކުރި ތާރީޚުކަމުގައިވާ 6 ޑިސެމްބަރު 2018 ގައި، ޙަސަން މޫސާގެ ފަރާތުން ފ. ބިލެއްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 08/L3C/2017 ގަޒިއްޔާގެ ދަށުން ދައްކަންޖެހި ނުދައްކައި 94,230.37 (ނުވަދިހަ ހަތަރު ހާސް ދުއިސައްތަ ތިރީސް ރުފިޔާ ތިރީސްހަތް ލާރި) އޮތް ކަމެވެ.

ނަމަވެސް މި މައްސަލައިގައި ގޮތެއް ކަނޑައެޅުމަށްޓަކައި ސުޕްރީމް ކޯޓުން މި ގަޒިއްޔާގައި ބަލަންޖެހެނީ ނިލަންދެ އަތޮޅު އުތުރުބުރީ ބިލެއްދޫ މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ ހުކުމާ އެއްގޮތަށް ދައްކަންހޭ ފައިސާގެ ތެރެއިން އެއްވެސް މިންވަރެއް، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 ގައި ވާދަކުރުމަށް ޙަސަން މޫސާގެ ފަރާތުން ފޯމު ހުށަހެޅި ތާރީޚު ކަމުގައިވާ 17 ފެބްރުއަރީ 2020 ތާރީޚުގައި، ދައްކަންޖެހި ނުދައްކައި އޮތްތޯ ނުވަތަ ނޫންތޯއެވެ. މި ބަޔާންކުރެވުނު މައުލޫމާތު ދެފަރާތުން ސާފުކުރުމަށްފަހު އެ މައުލޫމާތު ކޯޓަށް ހުށަހެޅުމަށް އެންގުމުން، ނިލަންދެ އަތޮޅު އުތުރުބުރީ ބިލެއްދޫ މެޖިސްޓްރޭޓް ކޯޓުން 21 މާރިޗު 2021 ގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއަށް ފޮނުވާފައިވާ ލިޔުމެއް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ހުށަހަޅާފައިވެއެވެ. އެ ލިޔުމުގައިވާ ގޮތުން 20 ފެބްރުއަރީ 2020 ދުވަހުގެ ނިޔަލަށް ޙަސަން މޫސާގެ ފަރާތުން ނިލަންދެ އަތޮޅު އުތުރުބުރީ ބިލެއްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 20/L3C/2018 ގަޒިއްޔާގެ ހުކުމާ އެއްގޮތަށް ދައްކަން ޖެހި ނުދައްކައި 86,148.28 (އަށްޑިހަ ހަހާސް އެއްސަތޭކަ ސާޅީސްއަށް ރުފިޔާ އަށާވީސް ލާރި) ހުއްޓެވެ. ނިލަންދެ އަތޮޅު އުތުރުބުރީ ބިލެއްދޫ މެޖިސްޓްރޭޓް ކޯޓުގެ 21 މާރިޗް 2021 ތާރީޚުގެ އެ ލިޔުމުގައި އިތުރަށް ބުނެފައިވާ ގޮތުން، ޙަސަން މޫސާގެ ފަރާތުން ފ. ބިލެއްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 20/L3C/2018 ގަޒިއްޔާގެ ހުކުމާ އެއްގޮތަށް ދައްކަން ޖެހި ނުދައްކައި އޮތް 86,148.28 (އަށްޑިހަ އަށްހާސް އެއްސަތޭކަ ސާޅީސްއަށް ރުފިޔާ އަށާވީސް ލާރި) 2020 ޑިސެމްބަރު މަހުގެ ނިޔަލަށް ޙަސަން މޫސާގެ ފަރާތުން ދައްކައި ޚަލާސްކޮށްފައިވެއެވެ.

ޙަސަން މޫސާގެ ދަރަންޏާބެހޭ މައުލޫމާތު ސާފުކުރަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިލަންދެ އަތޮޅު އުތުރުބުރީ ބިލެއްދޫ މެޖިސްޓްރޭޓް ކޯޓަށް ފޮނުވި ނަންބަރު 197-B5/L03C/2021/1 (18 މާރިޗު 2021) ސިޓީއާ ގުޅިގެން އެ ކޯޓުން ސުޕްރީމް ކޯޓަށް ފޮނުވި އެ ކޯޓުގެ ނަންބަރު L3MC-B/197-B5/2021/01 (24 މާޗް 2021) ސިޓީގައި ނިލަންދެ އަތޮޅު އުތުރުބުރީ ބިލެއްދޫ މެޖިސްޓްރޭޓް ކޯޓުން މައުލޫމާތު ދީފައިވަނީ ފ. ބިލެއްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 20/L3C/2018 ނަންބަރު ގަޒިއްޔާގެ ހުކުމާ ގުޅިގެން 17 ފެބްރުއަރީ 2020 ގެ ނިޔަލަށް ޙަސަން މޫސާގެ ފަރާތުން އެ ކޯޓަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން ނުދައްކައި އޮތީ 86,148.28 (އަށްޑިހަ ހަހާސް އެއް ސަތޭކަ ސާޅީސްއަށް ރުފިޔާ އަށާވީސް ލާރި) ކަމަށެވެ. އަދި އެ ފައިސާއަކީ އެއީ ޙަސަން މޫސާ ފ. ބިލެއްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 20/L3C/2018 ގަޒިއްޔާގެ ހުކުމާގުޅިގެން 17 ފެބްރުއަރީ 2020 ދުވަހުގެ ނިޔަލަށް އެކިފަހަރު މަތިން ދައްކާފައިހުރި އެކު ޖުމްލަ 95,000.00 (ނުވަދިހަ ފަސްހާސް ރުފިޔާ) ކެނޑުމުން އެ ހުކުމާ އެއްގޮތަށް 17 ފެބްރުއަރީ 2020 ދުވަހުގެ ނިޔަލަށް ނުދައްކައި ހުރި ފައިސާ ކަމަށެވެ.

އިސްވެ މި ބަޔާންކުރެވުނު މައުލޫމާތު 24 މާރިޗު 2021 ދުވަހު ބޭއްވި ސުޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ޙަސަން މޫސާގެ ގާނޫނީ ވަކީލުއާ ހިއްސާކުރުމުން ގާނޫނީ ވަކީލު ޝަރީއަތުގެ މަޖިލީހުގައި ބުނެފައިވަނީ ފ. ބިލެއްދޫ މެޖިސްޓްރޭޓް ކޯޓުގެ ގަޒިއްޔާގެ ދަށުން ދައްކަންޖެހޭ ފައިސާ އެކި ފަހަރު ރާއްޖޭގެ އެކި ކޯޓުތަކަށާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ދައްކާފައިވާނޭ ކަމަށާއި، އެހެންކަމުން އެ ފައިސާތައް އެ ކޯޓުތަކުން ފ. ބިލެއްދޫ ކޯޓަށް ޓްރާންސްފަރ ކުރުމުގައި ލަސްވުމުގެ ސަބަބުން އެހާތަނަށް ދައްކަންޖެހި ނުދައްކައި ހުރި ފައިސާ ހުރިކަމަށް ފ. ބިލެއްދޫ ކޯޓުގެ ހިސާބުތަކުން ދައްކަނީ ކަމަށާއި، 17 ފެބްރުއަރީ 2020 ގެ ނިޔަލަށް ދައްކަން ޖެހި ނުދައްކައި އެއްވެސް ފައިސާއެއް ނުހުންނާނެ ކަމަށެވެ.

އިސްވެ ބުނެވުނު ގޮތަށް ސުޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި މައްސަލަ ރައްދުވާ ޙަސަން މޫސާގެ ވަކީލު ބުނުމުން، ސުޕްރީމް ކޯޓުން 27 މާރިޗް 2021 ގައި ޙަސަން މޫސާގެ ގާނޫނީ ވަކީލު އަލްއުސްތާޒު މުޙައްމަދު ފައިސަލް އަށް އީމެއިލް އެއް ފޮނުވައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-E/02 ގަޒިއްޔާއާ ގުޅިގެން 24 މާރިޗު 2021 ގައި އޮތް ސުޕްރީމް ކޯޓުގެ އަޑުއެހުމުގައި، ރާއްޖޭގެ އެކިއެކި ކޯޓުތަކަށް ޙަސަން މޫސާގެ ފަރާތުން ފައިސާ ދައްކާފައިވާ ކަމަށް އަލްއުސްތާޒު މުޙައްމަދު ފައިސަލް ބުނެފައިވާތީވެ، އެ ކޯޓުތަކަކީ ކޮބައިކަން ސާފުކޮށް ދިނުމަށް ސުޕްރީމް ކޯޓުން އެދިފައިވެއެވެ.

ހަވާލާ ދެވުނު 27 މާރިޗު 2021 ތާރީޚުގެ ސުޕްރީމް ކޯޓުގެ އީމެއިލް އާ ގުޅިގެން ޙަސަން މޫސާގެ ގާނޫނީ ވަކީލް އަލްއުސްތާޒު މުޙައްމަދު ފައިސަލް ފޮނުއްވި ލިޔުމާ އެކު ފެމިލީ ކޯޓަށާއި ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ޙަސަން މޫސާގެ ފަރާތުން ފައިސާ ދައްކާފައިވާ ރަސީދު ތަކެއް ހުށަހަޅާފައިވެއެވެ. އެ ރަސީދުތަކުގައިވާ ފައިސާތަކުގެ ތަފްސީލު ތިރީގައި މިވަނީއެވެ.

17 ފެބްރުއަރީ 2020 ގެ ކުރިން ދައްކާފައި ހުރި ފައިސާ

ފައިސާ ދެއްކި ކޯޓު ދެއްކި އަދަދު ދެއްކި ތާރީޚު ގަޒިއްޔާ

ފެމިލީ ކޯޓު 2,000.00 23 އެޕްރީލް 2019 08/L3C/2016

ފެމިލީ ކޯޓު 2,000.00 23 އެޕްރީލް 2019 10/L3C/2016

ފެމިލީ ކޯޓު 2,000.00 11 ޖޫން 2019 08/L3C/2016

ފެމިލީ ކޯޓު 2,000.00 11 ޖޫން 2019 10/L3C/2016

ފެމިލީ ކޯޓު 17,500.00 15 ސެޕްޓެމްބަރ 2019 08/L3C/2016

ފެމިލީ ކޯޓު 17,500.00 15 ސެޕްޓެމްބަރ 2019 10/L3C/2016

17 ފެބްރުއަރީ 2020 ގެ ފަހުން ދައްކާފައި ހުރި ފައިސާ

ފުވައްމުލަކު ކޯޓް 30,000.00 21 ޖުލައި 2020 10/L3C/2016

ފުވައްމުލަކު ކޯޓް 30,000.00 21 ޖުލައި 2020 08/L3C/2016

ފުވައްމުލަކު ކޯޓް 5,500.00 21 ޖުލައި 2020 10/L3C/2016

ފުވައްމުލަކު ކޯޓް 24,500.00 21 ޖުލައި 2020 08/L3C/2016

ފުވައްމުލަކު ކޯޓް 3,250.00 26 ސެޕްޓެމްބަރ 2020 08/L3C/2016

ފުވައްމުލަކު ކޯޓް 3,250.00 26 ސެޕްޓެމްބަރ 2020 08/L3C/2016

ސުޕްރީމް ކޯޓުން މައުލޫމާތު ސާފުކުރުމުން ފެމިލީ ކޯޓުންނާއި ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން ޖަވާބުދީފައިވަނީ އެ ކޯޓުތަކަށް 2020 ފެބްރުއަރީ 17 ގެ ކުރިން ޙަސަން މޫސާގެ ފަރާތުން ދައްކާފައިވާ އެއްވެސް ފައިސާ އެއް ފ. ބިލެއްދޫ ކޯޓަށް ނުފޮނުވައި ލަސްވެފައި ނުހުންނާނެ ކަމަށާއި އެ ފައިސާ ލަސްނުކޮށް ފ. ބިލެއްދޫ ކޯޓަށް ފޮނުވާފައިވާ ކަމަށެވެ. އަދި ޙަސަން މޫސާގެ ފަރާތުން 17 ފެބްރުއަރީ 2020 ގެ ކުރިން، ފ. ބިލެއްދޫ ކޯޓަށް ފޮނުވުމަށްޓަކައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއާ އެއްވެސް ފައިސާއެއް ހަވާލުކޮށްފައިނުވާ ކަމަށް އެ ޑިޕާޓްމަންޓުން މިކޯޓަށް ލިޔުމުން އަންގާފައިވެއެވެ. އެހެން ކަމުން 17 ފެބްރުއަރީ 2020 ގެ ކުރިން މި ދަރަނީގެ ފައިސާ އެކިއެކި ކޯޓުތަކާއި ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އަށް ދައްކައި ޚަލާސްކޮށްފައިވާ ކަމަށާއި ސަރުކާރުގެ އިދާރާތަކަށް ދެއްކި ފައިސާ ފ. ބިލެއްދޫ ކޯޓަށް ނުފޮނުވި ތާށިވެފައި ހުރުމަކީ ޙަސަން މޫސާގެ ސާބިތު ދަރަންޏެއް އޮތުން ކަމަށް ނުބެލެވޭކަމަށް، ބުނެފައިވާއިރު މިއީ ހަގީގަތެއް ނޫންކަން ކޯޓުތަކާއި ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ރެކޯޑުތަކުން ސާފުކޮށް އެނގެއެވެ.

2020 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ތ. ކަނޑޫދޫ ދާއިރާގެ ރަށު ކައުންސިލްގެ ރައީސްގެ މަގާމަށް ކުރިމަތިލުމަށް އެދި ޙަސަން މޫސާ އިލެކްޝަންސް ކޮމިޝަންގެ ނަންބަރު LCE/B/PPM/2020/0297 ފޯމު 17 ފެބްރުއަރީ 2020 ގައި ހުށަހެޅިއިރު، އިސްވެ ބަޔާންކުރެވުނު ނިލަންދެ އަތޮޅު އުތުރުބުރީ ބިލެއްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 20/L3C/2018 ގަޒިއްޔާގެ ހުކުމާ އެއްގޮތަށް ދައްކަންޖެހި ނުދައްކައިވާ 86,148.28 (އަށްޑިހަ ހަހާސް އެއް ސަތޭކަ ސާޅީސް އަށް ރުފިޔާ އަށާވީސް ލާރި) ގެ ސާބިތު ދަރަންޏެއް އޮތް ކަމަށް ކިތާބީ ހެކިތަކުން ސާބިތުވާތީވެ، ޙަސަން މޫސާއަކީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކެނޑިޑޭޓުކަމުގެ ޝަރުތު ފުރިހަމަވާ ފަރާތެއް ނޫނެވެ.

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު

މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންކަން އެ ގޮތުގެމަތިން ހުރުމާއެކު، 2020 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ތ. ކަނޑޫދޫ ދާއިރާގެ ރަށު ކައުންސިލްގެ ރައީސްގެ މަގާމަށް ކުރިމަތިލުމަށް އެދި ޙަސަން މޫސާ އިލެކްޝަންސް ކޮމިޝަންގެ ނަންބަރު LCE/B/PPM/2020/0297 ފޯމު 17 ފެބްރުއަރީ 2020 ގައި ހުށަހެޅިއިރު، އިސްވެ ބަޔާންކުރެވުނު ނިލަންދެ އަތޮޅު އުތުރުބުރީ ބިލެއްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 20/L3C/2018 ނަންބަރު ގަޒިއްޔާގެ ހުކުމާ އެއްގޮތަށް ދައްކަންޖެހި ނުދައްކައިވާ 86,148.28 (އަށްޑިހަ ހަހާސް އެއް ސަތޭކަ ސާޅީސް އަށް ރުފިޔާ އަށާވީސް ލާރި) ގެ ސާބިތު ދަރަންޏެއް އޮތުމުން، ޙަސަން މޫސާއަކީ، ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ގާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކެނޑިޑޭޓުކަމުގެ ޝަރުތު ފުރިހަމަވާ ފަރާތެއް ނޫން ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ކަނޑައަޅައިފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

އަޒްމިރާލްދާ ޒާހިރުޙުސްނުއްސުޢޫދުޢަލީ ރަޝީދު ޙުސައިން(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ