ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
[2026] SC 10 · 2025/SC-C/01

ޣާލިބު ސަލީމް ވ. މުޙައްމަދު ސިނާން

ސުޕްރީމް ކޯޓުމުޙައްމަދު ސިނާން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން…
1 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 12 އޭޕްރީލް 2026ބާވަތް: ދުސްތޫރީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ހިތަދޫ ކޯޓުގެ ޙުކުމަކުން ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުޙައްމަދު ސިނާންގެ މައްޗަށް ސާބިތު ދަރަންޏެއް އޮތްތޯއާއި، އެ ދަރަނި ޙުކުމާ އެއްގޮތަށް (މަހުން މަހަށް) އަދާކޮށްފައިވޭތޯ، އަދި އެކަމުގެ ސަބަބުން ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ (1) ގެ ދަށުން އޭނާގެ މެންބަރުކަން ގެއްލިފައިވޭތޯ.

ނިންމުން

މުޙައްމަދު ސިނާން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން…

މުޙައްމަދު ސިނާން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވެއްޖެކަމަށް ކަނޑައެޅި (ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ (1))

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ޤާނޫނުއަސާސީގެ މާއްދާއެއް ދެނެގަތުމަށް އެންމެ ފުރަތަމަ ރުޖޫޢަވާންޖެހޭނީ އެ މާއްދާގެ އިބާރާތަށެވެ. ޤާނޫނުއަސާސީ ލިޔުނު ފަރާތްތަކުގެ މަޤްޞަދަށް ބަލަންޖެހެނީ އިބާރާތް އެއް މާނައަށްވުރެ ގިނަ ގޮތަކަށް މާނަކުރެވޭނަމަ ނުވަތަ އޮޅުމެއް އަރާނަމައެވެ. ލަފުޒެއް ޤާނޫނުއަސާސީގައި މާނަކޮށްދީފައި ނެތުމަކީ ހަމައެކަނި ސަބަބެއް ނޫން؛ އޮޅުން އަރާ ގޮތެއް ނުވަތަ ތަފާތު މާނަތައް ދައްކައިދޭން ޖެހެއެވެ.

HN2 ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ (1) ގައިވާ 'ސާބިތު ދަރަނި' އަކީ 'ޖަޖްމަންޓް ޑެޓް' އެވެ. އެއީ 'އަންޑިސްޗާޖްޑް އިންސޯލްވަންޓް' ނުވަތަ ބަނގުރޫޓުވުމާ ބެހޭ ދަރަންޏަކަށް ހަނި ނުކުރެވޭނެއެވެ؛ އެ މާއްދާގެ މަޤްޞަދަކީ އިފްލާސްވާ މީހުން ކަމުގައިވާނަމަ އެ އަކުރުގައި އެގޮތަށް ލިޔެފައި އޮންނާނެއެވެ.

HN3 ސާބިތު ދަރަންޏަކީ ކޯޓުގެ ޙުކުމެއްގެ ދަށުން އެއް ފަރާތުން އަނެއް ފަރާތަށް ދެއްކުން ލާޒިމުވާ ކޮންމެ ފައިސާއެކެވެ (އިލެކްޝަންސް ކޮމިޝަން ވ. ޙަސަން މޫސާ [2021] SC 36). ދަރަންޏަކާ ރަހުނެއް ހިމެނުމާއި ނުހިމެނުމަކީ 73 ވަނަ މާއްދާގެ (ނ) ގެ (1) ގެ ބޭނުމަށް ތަފާތެއް ނުކުރާ ކަމެކެވެ (އިލްޔާސް އަޙްމަދު ވ. ޙަސަން ޝިޔާމް [2024] SC 16). އެހެންކަމުން، ފައިނޭންސިންގ އެއްބަސްވުމެއްގެ ދަށުން ދައްކަންޖެހޭ ފައިސާ ދެއްކުމަށް ކުރާ ޙުކުމަކުން ސާބިތުވާ ދަރަންޏަކީ އޭގެ ޒާތުގައި ސާބިތު ދަރަންޏެކެވެ.

HN4 ކޯޓަކުން ނިންމާ ނިންމުމަކަށް ޢަމަލުކުރުން އެ ކޯޓަކުން ނުވަތަ އިސްތިއުނާފީ ކޯޓަކުން ފަސްނުކުރާހާ ހިނދަކު އެ ނިންމުމަކީ އެންމެން ޢަމަލުކުރުން ލާޒިމު ނިންމުމެކެވެ؛ އިސްތިއުނާފު ހުށަހެޅުމުންވެސް ޙުކުމުގެ ޤާނޫނީ ނަތީޖާ ނުވަތަ ތަންފީޛު ފަސްނުވެއެވެ. އިސްތިއުނާފު ނުކޮށް އިސްތިއުނާފީ މުއްދަތު ފަހަނައަޅާ، އަދި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ ދަށުން ބާޠިލުކުރުމަށް ނުވަތަ ބަދަލުކުރުމަށް ހުށަނާޅާ ދޫކޮށްލާފައިވާ ޣައިރުޙާޟިރުގައި ކުރި ޙުކުމަކީ ނިހާއީ ނޫން ޙުކުމެއް ކަމަށް 74 ވަނަ މާއްދާގެ މައްސަލައެއްގައި ދައްކާ ހުށަހެޅުމަކަށް ބުރަދަނެއް ނުދެވޭނެއެވެ.

HN5 ޣައިރުޙާޟިރުގައި ޙުކުމްކުރުމަކީ ދަޢުވާލިބޭ ފަރާތުން ދިފާޢު ހުށަހަޅަން ލިބޭ މުއްދަތުގައި ދިފާޢު ހުށަނާޅައިފިނަމަ މަދަނީ އިޖުރާއަތުގެ ޤާނޫނުން ފަހިކޮށްދޭ އިޖުރާއަތެކެވެ. ދިފާޢުގެ މުއްދަތު ހަމަވުމަށްފަހު ޤާނޫނީ ވަކީލު މައްސަލައިން ތަނާޒުލުވީ މުވައްކިލަށް ނޭނގި ކަމަށް ބުނާ ބުނުމަކީ ޙުކުމް ޢަމަލުކުރުމުން ސަލާމަތްވެވޭނެ ޤާނޫނީ ބުރަދަނެއް ދެވޭ ހުށަހެޅުމެއް ނޫނެވެ.

HN6 ޙުކުމުގައި ސާބިތުވި ދަރަނި ނުދައްކައިފިނަމަ ރަހުނު ތަންފީޛުކުރުމުގެ ބާރު އަރަނިވެރިޔާއަށް ދީފައިވުމުން، ސާބިތު ދަރަންޏަކީ ރަހުނު ތަންފީޛުކުރުމަށްފަހު ކަނޑައެޅޭ ނަތީޖާއަކަށް ނުވެއެވެ. ރަހުނަކީ ސެކިއުރިޓީއެއް ކަމުން، ރަހުނެއް އޮތުމަކީ ޙުކުމާ އެއްގޮތަށް ދަރަނި އަދާކުރެވޭކަން ދައްކައިދޭ ކަމެއް ނޫނެވެ.

HN7 ކޯޓަކުން ކުރާ ޙުކުމެއްގެ ބާރު ޙުކުމްކުރާ ހިސާބުން ދެމިއޮންނާނެއެވެ. ޤާނޫނު ނޭނގުމަކީ ހުއްޖަތެއް ނޫނެވެ، އަދި އަމިއްލަ ޢަމަލުތަކުގެ ސަބަބުން މެދުވެރިވާ ޙަޤީޤަތް ނޭނގުމަކީ ޒިންމާއިން ސަލާމަތްވެވޭނެ ކަމެއް ނޫނެވެ؛ އެހެންކަމުން ޙުކުމްކުރިކަން ނޭނގޭ، ޙުކުމް ނުލިބޭ ނުވަތަ ނުކިޔާ ކަމަށް ބުނުމަކަށް ބުރަދަނެއް ނުދެވޭނެއެވެ.

HN8 ވަކި މުއްދަތެއްގެ ތެރޭގައި ކޮންމެ މަހަކު އެ މަހަކަށް ޖެހޭ މިންވަރަށްވުރެ މަދުނޫން ޢަދަދެއް ދައްކަމުން ގޮސް ފައިސާ ދައްކައި ނިންމުމަށް ކުރާ ޙުކުމެއްގައި ޖުމްލަ މުއްދަތަކީ އެންމެ ފަހު ތާރީޚެވެ؛ ޙުކުމާ އެއްގޮތަށް ދެއްކީ ކަމަށް ބެލެވޭނީ މަހުން މަހަށް ދައްކަމުން ގެންދާނަމައެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 367 ވަނަ މާއްދާގެ (ހ) ގެ ދަށުން ތަންފީޛީ އިޖުރާއަތު ފެށޭނީ ޙުކުމުގެ މުއްދަތުގައި ދަރަނިވެރިޔާ އަމިއްލައަށް ޙުކުމް ފުރިހަމަ ނުކޮށްފިނަމައެވެ. ތަންފީޛީ މައްސަލަ ހުށަހެޅުމަށްފަހު ފަސްވެފައިވާ މަސްމަހުގެ ފައިސާ އެއްކޮށް ދެއްކުމާއި ޖުމްލަ މުއްދަތު ހަމަވުމުގެ ކުރިން ހުރިހާ ފައިސާ ދެއްކުމަކީ ޙުކުމާ އެއްގޮތަށް ދަރަނި އަދާކުރުމެއް ނޫނެވެ.

HN9 ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ސާބިތު ދަރަންޏެއް ޙުކުމާ އެއްގޮތަށް އަދާނުކުރުމުގެ ނަތީޖާއަކީ ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގައި ސަރީޙަ ބަހުން ބަޔާންކޮށްފައިވާ ގޮތުން އެ މެންބަރު މެންބަރުކަމުން ވަކިވުމެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޢާއިޝާ ޝުޖޫން މުޙައްމަދު، ޢަލީ ރަޝީދު ޙުސައިން، ޑރ. މުޙައްމަދު އިބްރާހީމް، ޙުސައިން ޝަހީދު، މުޙައްމަދު ސަލީމް
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ޢާއިޝާ ޝުޖޫން މުޙައްމަދު · ތާއީދުކުރެއްވީ: ޢަލީ ރަޝީދު ޙުސައިން، ޙުސައިން ޝަހީދު، މުޙައްމަދު ސަލީމް
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު (ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު

ޑރ. މުޙައްމަދު އިބްރާހީމް އަދި ފަނޑިޔާރު ޙުސައިން ޝަހީދު އަދި ފަނޑިޔާރު މުޙައްމަދު ސަލީމް ތާއީދު ކުރައްވާފައި)

ތަޢާރުފު

1މި މައްސަލައަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 74 ވަނަ މާއްދާ އަދި ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 10 ވަނަ މާއްދާގެ (ހ) ގެ ދަށުން، ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު، ސ.ހިތަދޫ ހުޅުދޫއާގެ، މުހައްމަދު ސިނާން ގެ ކިބައިން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ 1 ޤާނޫނުއަސާސީގެ 74 ވަނަ މާއްދާގައިވާ ގޮތުން "ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމުގެ ޝަރުޠު މީހެއްގައި ހަމަވޭތޯ ނުވަތަ މެންބަރަކު މަޤާމުން ވަކިކުރާންޖެހިއްޖެތޯ ބެލުމުގައި ނުވަތަ މެންބަރުކަމުގެ ގޮނޑިއެއް ހުސްވެއްޖެކަމާމެދު ޚިލާފެއް އުފެދިއްޖެނަމަ، އެ މައްސަލައެއް ބަލައި ގޮތެއް ކަނޑައަޅާނީ ސުޕްރީމް ކޯޓުންނެވެ." 2 ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 10 ވަނަ މާއްދާ އޮންނަނީ އަންނަނިވި ފަދައިންނެވެ. "ޤާނޫނުއަސާސީ ނުވަތަ ޤާނޫނުގައި އެ މައްސަލައެއް ބެލޭނީ ހަމައެކަނި ސުޕްރީމްކޯޓަށް ކަމަށް ކަނޑައަޅާފައިވާ މައްސަލަތައް ބެލުމުގެ ބާރު ލިބިގެންވަނީ ހަމައެކަނި ސުޕްރީމްކޯޓަށެވެ. އޭގެތެރޭގައި އަންނަނިވި މައްސަލަތައް ހިމެނެއެވެ.

(ހ) ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމުގެ ޝަރުޠު މީހެއްގައި ހަމަވޭތޯ ނުވަތަ މެންބަރަކު މަޤާމުން ވަކިކުރަން ޖެހިއްޖެތޯ ބެލުމުގައި ނުވަތަ މެންބަރުކަމުގެ ގޮނޑިއެއް ހުސްވެއްޖެކަމާމެދު ޚިލާފެއް އުފެދިގެން، އެ މައްސަލައެއް ބަލައި، ގޮތެއް ކަނޑައެޅުމަށްޓަކައި ޤާނޫނުއަސާސީގެ 74 ވަނަ މާއްދާގެ ދަށުން ހުށަހެޅޭ މައްސަލަތައް.

(ރ) ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް ކުރިމަތިލާ މީހެއްގައި ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބަކަށް ހުންނާނެކަމަށް އިޢުލާންކުރެވޭ މީހެއްގައި ހުންނަންޖެހޭ ޝަރުޠުތައް ފުރިހަމަވާކަމާމެދު ނުވަތަ ރައީސުލްޖުމްހޫރިއްޔާއަކު އިންތިޚާބުކުރުމުގައި ދިމާވާކަމަކާމެދު ނުވަތަ ރައީސުލްޖުމްހޫރިއްޔާ އޭނާގެ މަޤާމުން ދުރުކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމާ ނިންމުމަކާމެދު އެއްވެސް ޚިލާފެއް އުފެދިގެން، އެކަމެއް ވަކިގޮތަކަށް ނިންމުމަށްޓަކައި ޤާނޫނުއަސާސީގެ 113 ވަނަ މާއްދާގެ ދަށުން ހުށަހެޅޭ މައްސަލަތައް.

(ނ) ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރާ ޤަރާރުގެ ނުވަތަ އެ ޤަރާރުން ބައެއްގެ ޞައްޙަކަމާމެދު ނުވަތަ ކުއްލި ނުރައްކަލުގެ ޙާލަތާ ގުޅިގެން ހަދާ ޤާނޫނަކާމެދު، ނުވަތަ ނެރޭ އަމުރަކާމެދު ސުވާލު އުފެދިއްޖެ ޙާލަތެއްގައި، އެކަމާމެދު ކަނޑައެޅުމަށްޓަކައި ޤާނޫނުއަސާސީގެ 258 ވަނަ މާއްދާގެ ދަށުން ހުށަހެޅޭ މައްސަލަތައް." 1 ވަނަ ނަންބަރުގައިވާ ޝަރުޠު އުނިވެއްޖެ ކަމުގައި ބުނެ، މުހައްމަދު ސިނާން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވެއްޖެ ކަމަށް ކަނޑައަޅައި ދިނުން އެދި، ގއ. ދާންދޫ، […] ޣާލިބު ސަލީމް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.

ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ

2ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރާ ހަވާލާދީ ޢާލިބު ސަލީމްގެ ފަރާތުން ހުށަހަޅާފައިވާ މިހުށަހެޅުން ބިނާކޮށްފައިވަނީ މުހައްމަދު ސިނާން ހިމެނޭހެން 3 (ތިނެއް) ފަރާތަކުން މޯލްޑިވްސް އިސްލާމިކް ބޭންކް ޕލކ (މީގެ ފަހުން "އެމް.އައި.ބީ") އިން ނަގާފައިވާ ކްރެޑިޓް ފެސިލިޓީއަކަށް އެފަރާތްތަކުން އެއްބަސްވެފައިވާ ފަދައިން ފައިސާ ނުދައްކާ އޮތުމުގެ ސަބަބުން، އެމް.އައި.ބީގެ ފަރާތުން ކުރި ދަޢުވާއަކަށް ބިނާކޮށް އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުން (މީގެ ފަހުން "ހިތަދޫ ކޯޓު") ކޮށްފައިވާ ޙުކުމާ އެއްގޮތަށް މުހައްމަދު ސިނާންގެ ފަރާތުން ފައިސާ ދައްކާފައިނުވާ ކަމުގައި ބުނެއެވެ.

3ޣާލިބު ސަލީމްގެ ފަރާތުން ބުނާ ގޮތުގައި، 14 އޮކްޓޫބަރު 2024 ގައި ހިތަދޫ ކޯޓުން ކުރި ޙުކުމުގައި، އެ ތާރީޚާއި (14 އޮކްޓޫބަރު 2024) ހަމައަށް ދައްކަންޖެހި ނުދައްކާވާ ފައިސާގެ ޢަދަދު ކަނޑައެޅުމަށްފަހު، 14 އޮކްޓޫބަރު 2024 އިން ފެށިގެން 6 (ހައެއް) މަސް ދުވަހުގެ ތެރޭގައި، ކޮންމެ މަހަކުވެސް އެ މަހަކަށް ޖެހޭ ޢަދަދަށްވުރެ މަދު ނޫން އަދަދެއް އެމް.އައި.ބީ އަށް ދައްކަމުންގޮސް، ފައިސާ ދައްކާ ޚަލާޞްކުރުމަށް މުހައްމަދު ސިނާން އާއި އިތުރު ދެ ފަރާތެއްގެ މައްޗަށް ޙުކުމްކޮށްފައިވާ ހިނދު، އެ ފަރާތްތަކުން ޙުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވެއެވެ. އަދި ޙުކުމުގައިވާ ފައިސާގެ ތެރެއިން ބައެއް ދައްކާފައިވަނީ، ޙުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވުމުގެ ސަބަބުން ތަންފީޒީ މައްސަލައެއް ހިތަދޫ ކޯޓަށް ހުށަހެޅުނު ފަހުން، 4 (ހަތަރެއް) މަހަށްވާ ފައިސާ އެއްކޮށް، 13 ފެބުރުވަރީ 2025 ގައިކަމާއި، ބާކީ ފައިސާ ދައްކާފައިވަނީ 14 އެޕްރީލް 2025 ގައި ކަމުގައިވެސް ޣާލިބު ސަލީމްގެ ފަރާތުން ބުނެއެވެ.

4އަހުރެންގެ ކުރިމަތީގައި އޮތް މައްސަލައިގައި ގޮތް ކަނޑައެޅުމަށްޓަކައި މައިގަނޑު ދެ ސުވާލެއްގެ ޖަވާބު ހޯދަންޖެހެއެވެ. އެއީ:

(ހ) މުހައްމަދު ސިނާންގެ މައްޗަށް ސާބިތު ވެފައިވާ ދަރަންޏެއް އޮތްކަން ނުވަތަ ނެތްކަން؛ އަދި

(ނ) މުހައްމަދު ސިނާންގެ މައްޗަށް ސާބިތު ދަރަންޏެއް އޮތްނަމަ، އޭނާގެ ފަރާތުން ޙުކުމާ އެއްގޮތަށް އެ ފައިސާ ދައްކާފައިވާކަން ނުވަތަ ނޫންކަން؛ މިއެވެ. މި ދެ ސުވާލުގެ ޖަވާބުލިބުމުން، ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގައިވާ ފަދަ ހާލަތެއް މެދުވެރިވެ، ރައްޔިތުންގެ މަޖިލީހަށް ހޮވިފައިވާ މެންބަރެއްގެ ހައިސިއްޔަތުން މުހައްމަދު ސިނާން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާކަން ނުވަތަ ނޫންކަން ސާފުވާނެއެވެ.

ކަން ހިނގާފައިވާ ގޮތް

5މުހައްމަދު ސިނާން އާއި ސ.ހިތަދޫ ވާދޫގެ، އަޙްމަދު ވަޙީދު އާއި ސ.ހިތަދޫ ވިހަލަގޮޑިމާގެ، މުހައްމަދު ސަލީމް ބައިވެރިވެގެން އެމް.އައި.ބީ އިން ސޭލްސް އެންޑް ލީސްބެކް ފައިނޭންސިންގ ފެސިލިޓީއެއް (މީގެ ފަހުން "ފެސިލިޓީ އެއްބަސްވުން") ގެ ދަށުން 3,802,863.32ރ. (ތިންމިލިއަން އަށްލައްކަ ދެހާސް އަށްސަތޭކަ ފަސްދޮޅަސް ތިން ރުފިޔާ ބައްތިރީސް ލާރި) ނަގާފައިވެއެވެ.

6އެ ފެސިލިޓީ އެއްބަސްވުމާ އެއްގޮތަށް މުހައްމަދު ސިނާން އާއި އަޙްމަދު ވަޙީދު އާއި މުހައްމަދު ސަލީމް ފައިސާ ދައްކަމުން ނުގެންދާތީ، އެމް.އައި.ބީ އިން ހިތަދޫ ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުގެ ނަންބަރު 2024-S2C-CIV-243 ޤަޟިއްޔާއިން ބަލައި، 14 އޮކްޓޫބަރު 2024 ގައި ޙުކުމް ކުރިއެވެ.

7އެ މައްސަލައިގެ ޙުކުމުގައި، މުހައްމަދު ސިނާން އާއި އަޙްމަދު ވަޙީދު އާއި މުހައްމަދު ސަލީމް ފެސިލިޓީ އެއްބަސްވުމުގެ ދަށުން އެމް.އައި.ބީ އަށް އެހާތަނަށް ދައްކަންޖެހޭކަމަށް ސާބިތުވާ ޖުމްލަ އަދަދަކީ 2,520,222.98ރ. (ދެމިލިއަން ފަސްލައްކަ ވިހިހާސް ދުއިސައްތަ ބާވީސް ރުފިޔާ ނުވަދިހަ އަށްލާރި) ކަމަށް ކަނޑައަޅާފައިވެއެވެ. އަދި ފެސިލިޓީ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ފައިސާ ދައްކާ ޚަލާޞްކުރުމާ ހަމައަށް ފެސިލިޓީ އެއްބަސްވުމުގެ ދަށުން ދައްކަން އެއްބަސްވެފައިވާ "މަންތްލީ ރެންޓަލް" އަދި "ޗެރިޓީ" ގެ ގޮތުގައި އަރަމުންދާ ފައިސާ ހިމެނޭހެން، 14 އޮކްޓޫބަރު 2024 އިން ފެށިގެން 6 (ހައެއް) މަސް ދުވަހުގެ ތެރޭގައި، ކޮންމެ މަހަކުވެސް އެ މަހަކަށް ޖެހޭ އަދަދަށްވުރެ މަދުނޫން އަދަދެއް އެމް.އައި.ބީ އަށް ދައްކަމުން ގޮސް މި ފައިސާ ދައްކައި ނިންމުމަށް އަންގާފައިވެއެވެ. އަދި ބުނެވުނު ފަދައިން ފައިސާ ނުދައްކައިފިނަމަ، ފެސިލިޓީ އެއްބަސްވުމުގެ ދަށުން ރަހުނުކޮށްފައިވާ މުދަލާމެދު ރަހުނު އެއްބަސްވުމުގައިވާ ފަދައިން އަމަލުކޮށް، އެމް.އައި.ބީ އަށް ލިބެންވާ އެންމެހާ ފައިސާ ހޯދުމުގެ ބާރު އެ ބޭންކަށް ލިބިގެންވާ ކަމަށް ވެސް ކަނޑައަޅާފައިވެއެވެ.

8ހިތަދޫ ކޯޓުން އިސްވެ ބަޔާންކޮށްފައިވާ ފަދައިން ޙުކުމް ކޮށްފައިވާ ނަމަވެސް، މުހައްމަދު ސިނާން އާއި އަޙްމަދު ވަޙީދު އާއި މުހައްމަދު ސަލީމްގެ ފަރާތުން ޙުކުމާ އެއްގޮތަށް ފައިސާ ނުދައްކާ ކަމުގައިބުނެ އެމް.އައި.ބީގެ ފަރާތުން (ހިތަދޫ ކޯޓުގެ ނަންބަރު 2024-S2C-CIV-243 ޤަޟިއްޔާގެ) ޙުކުމް ތަންފީޒުކޮށް ދިނުން އެދި 16 ޑިސެންބަރު 2024 ގައި ހިތަދޫ ކޯޓަށް މައްސަލައެއް ހުށަހެޅިއެވެ. ހިތަދޫ ކޯޓުގެ ނަންބަރު 2024-S2C-ENF-469 ޤަޟިއްޔާގެ ގޮތުގައި ބެލި އެ ތަންފީޒީ މައްސަލައިގެ ޙުކުމްކޮށްފައިވަނީ، އެ ކޯޓުގެ ނަންބަރު 2024-S2C-CIV-243 ޤަޟިއްޔާގެ ޙުކުމާ އެއްގޮތަށް ދައްކަންޖެހި ނުދައްކާވާ ފައިސާ 13 ފެބުރުވަރީ 2025 ގައި ދައްކާފައިވާ ކަމަށް އެމް.އައި.ބީގެ ފަރާތުން ބުނެފައިވާތީ، އެ ޤަޟިއްޔާ އިތުރަށް ކުރިއަށް ގެންދާނެ ތަނެއް ނެތް ކަމުގައި ކަނޑައަޅައެވެ.

ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ)

9މި މައްސަލައިގައި އޮތް ބަހުސަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ

(ނ) އާ ގުޅޭ ބަހުސެއް ކަމުގައިވާތީ، ޤާނޫނުއަސާސީގެ އެ މާއްދާގެ އެ އަކުރު ތިރީގައި ނަކަލުކުރަމެވެ. "އަންނަނިވި ޙާލަތްތަކުންކުރެ ޙާލަތެއްގައިވާ މީހަކަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ބައިވެރިއެއް ނުވެވޭނެއެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ހޮވިފައިވާ މެންބަރަކަށް އެފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ އެ މީހަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެއެވެ. (1) އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ މީހަކު ކަމުގައިވުން. (2) ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ ބާރަ މަސްދުވަހަށްވުރެ ދިގުމުއްދަތެއްގެ ޙުކުމެއް ތަންފީޛުކުރަމުންދާ މީހަކު ކަމުގައިވުން. (3) ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ ބާރަ މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ކުރެވިފައިވާ މީހަކު ނަމަ އެ ޙުކުމެއް ތަންފީޛުކޮށް ނިމުނުތާ، ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފްކުރެވުނުތާ ތިން އަހަރު ނުވާ މީހަކު ކަމުގައިވުން.

(4) ފަނޑިޔާރަކު ކަމުގައިވުން."

10އަދި ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ސާބިތު ދަރަނީގެ ޝަރުތާ ގުޅޭގޮތުން ސުޕްރީމް ކޯޓުގެ އިލްޔާސް އަޙްމަދު ވ. ޙަސަން ޝިޔާމް އަދި އިލެކްޝަންސް ކޮމިޝަން [2024] SC 16] މައްސަލައިގައި އަލިއަޅުވާލާފައިވާކަން ފާހަގަކުރަމެވެ.

ސާބިތު ދަރަންޏެއް އޮތްކަން ނުވަތަ ނޫންކަން

11މުޙައްމަދު ސިނާންގެ ފަރާތުން ސާބިތު ދަރަންޏާ ގުޅޭގޮތުން ހުށަހަޅާފައިވާ ހުށަހެޅުންތަކަށް ބަލާއިރު، މައިގަނޑު ގޮތެއްގައި ފާހަގަވަނީ (1) ޤާނޫނުއަސާސީގައި ސާބިތު ދަރަނި މާނަކޮށްދީފައި ނުވާކަމުގައި ބުނެފައިވާ ބުނުމާއި؛ (2) ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ޔައުމިއްޔާތަކަށް ބެލުމުން ޤާނޫނުއަސާސީ މާނަކުރުމުގައި ސާބިތު ދަރަންޏަކީ "އަންޑިސްޗާޖްޑް އިންސޯލްވަންޓް" (undischarged insolvent) ކަން އެނގޭކަމުގައި ބުނެފައިވާ ބުނުމާއި؛ (3) ހިތަދޫ ކޯޓުން މުޙައްމަދު ސިނާންގެ މައްޗަށް ދަރަނި ސާބިތުވާ ކަމަށް ކުރި ޙުކުމަކީ އޭނާގެ ޣައިރުހާޟިރުގައި ކޮށްފައިވާ ޙުކުމެއް ކަމުގައިވާތީ، އެ ޙުކުމް އޭގެ ޒާތުގައި ނިހާއީ ނުވާކަމުގައި ބުނެފައިވާ ބުނުމެވެ. 7 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2024/SC-E/03 ޤަޝިއްޔާގެ 18 އިން 24 ވަނަ ޕެރެގްރާފްގެ ނިޔަލަށް.

12މިގޮތުން، ސުޕްރީމް ކޯޓުގެ މުޙައްމަދު ޙަލީމް އާއި އަސްޢަދު ޝަރީފް ވ.ޔައުޤޫބު ޢަބްދުﷲ މައްސަލައިގައި ކަނޑައަޅާފައިވާ ޤާނޫނުއަސާސީ މާނަކުރުމުގައި ގެންގުޅެންޖެހޭ އުސޫލަށް ހަވާލާދީ، ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ "ސާބިތު ދަރަނި" އަކީ ކޮބައިކަމުގެ މައްޗަށް ބަލާއިރު، ޤާނޫނުއަސާސީ ޑްރާފްޓްކުރި "ޑްރާފްޓިންގ ކޮމިޓީ" ގެ ބައްދަލުވުމެއްގައި ދެކެވިފައިވާ ވާހަކަތަކަށް ހަވާލާދީ، ސާބިތު ދަރަންޏަކީ "އަންޑިސްޗާޖްޑް އިންސޯލްވަންޓް" އެއްގެ ފަރާތުން ދައްކަންޖެހޭ ފައިސާ ކަމުގައި މުޙައްމަދު ސިނާންގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.

13ތެދެކެވެ. ޤާނޫނުއަސާސީގައި ސާބިތު ދަރަންޏަކީ ކޮބައިކަން މާނަކޮށްދީފައި ނުވެއެވެ.

14HN1މުޙައްމަދު ޙަލީމް އާއި އަސްޢަދު ޝަރީފް ވ.ޔައުޤޫބު ޢަބްދުﷲ މައްސަލައިގައި ޤާނޫނުއަސާސީ މާނަކުރުމާ ގުޅޭގޮތުން ބަޔާންކޮށްފައިވާ ކަންކަމުގެ ތެރޭގައި، ޤާނޫނުއަސާސީގެ މާއްދާއެއް ދެނެގަތުމަށްޓަކައި އެންމެ ފުރަތަމަ ރުޖޫއަވާންޖެހޭނީ އެ މާއްދާގައިވާ އިބާރާތަށް ކަމަށާއި، އެ އިބާރާތެއް އެއްގޮތަށް ވުރެ ގިނަ ގޮތްގޮތަށް މާނަކުރެވޭނަމަ، ނުވަތަ އެ އިބާރާތެއްގައި ބުނާ އެއްޗެއް އޮޅުން އަރާނަމަ އެ މާއްދާއެއްގެ ނުވަތަ އެ އިބާރާތެއްގެ މާނަ ދެނެގަންނަން އެންމެ ރަނގަޅު މަގަކީ ޤާނޫނުއަސާސީ ލިޔުނު ފަރާތްތަކުގެ މަޤުސަދަށް ރުޖޫއަވުން ފަރާތްތަކު ފަރާތްތަކުގެ މަޤުސަދަށް ބަލަންޖެހެނީ ޤާނޫނުއަސާސީގެ އިބާރާތެއް އެއްގޮތަށް ވުރެ ގިނަ ގޮތްގޮތަށް މާނަކުރެވޭނަމަ، ނުވަތަ އެ އިބާރާތެއްގައި ބުނާ އެއްޗެއް އޮޅުން އަރާނަމަ ކަމުގައިވާއިރު، ޤާނޫނުއަސާސީގައި ސާބިތު ދަރަންޏަކީ ކޮބައިކަން މާނަކޮށްދީފައި ނެތުމުގެ ސަބަބުން ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައި އިބާރާތް އެއްގޮތަށްވުރެ ގިނަ ގޮތަށް މާނަކުރެވޭތޯ ނުވަތަ އޭގައި ބުނާ އެއްޗަކުން އޮޅުމެއް އަރާތޯ ބަލަންޖެއެވެ.

15މުޙައްމަދު ސިނާންގެ ފަރާތުން ސާބިތު ދަރަންޏަކީ ކޮބައިކަން ދެނެގަތުމަށްޓަކައި ޤާނޫނުއަސާސީ ލިޔުނު ފަރާތްތަކުން ހާސިލުކުރަން ބޭނުންވި މަޤުސަދަށް ރުޖޫއަވާންޖެހޭ ކަމަށް ހުށަހަޅާފައިވަނީ ސާބިތު ދަރަނި މާނަކޮށްފައި ނެތުމުގެ ސަބަބުން ކަމަށް ބުނާއިރު، ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރު ކިޔުމުން އަރާ އޮޅުމަކީ ކޮބައިކަން ނުވަތަ އޭގެން އެއް މާނައަށްވުރެ ގިނަ މާނަ ދޭހަވާނަމަ، އެއީ ކޮން ކަންތައްތަކެއްކަން ފާހަގަކޮށްފައި ނުވެއެވެ.

16HN2އިނގިރޭސި ބަހުން ސާބިތު ދަރަންޏަކީ "ޖަޖްމަންޓް ޑެޓް" (judgement debt) އެވެ. ސާބިތު ދަރަންޏަކީ "އަންޑިސްޗާޖްޑް އިންސޯލްވަންޓް" އެއްގެ ފަރާތުން ދައްކަންޖެހޭ ފައިސާ ކަމުގައި މުޙައްމަދު ސިނާންގެ ފަރާތުން ހުށަހަޅާފައިވާ ނަމަވެސް، "އިންސޯލްވަންސީ" އަދި "ބޭންކްރަޕްސީ" ގެ މަފްހޫމްތަކަކީ ބަނގުރޫޓުވުމާއި އިފްލާސްކުރުމާއި ގުޅޭ ކަންކަން ކަމުގައި ފާހަގަ ކުރަމެވެ. ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގެ މަޤުސަދަކީ ބަނގުރޫޓުވާ ނުވަތަ އިފްލާސްކުރާ މީހުންނަށް ހަވާލާ ދިނުން ކަމުގައިވާނަމަ، އެ އަކުރުގައި ލިޔެފައި އޮންނާނީ އެފަދައިން ކަމުގައި ދެކެމެވެ.

17މުޙައްމަދު ސިނާނުގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުންތަކުގެ ތެރޭގައި، ހިތަދޫ ކޯޓުގެ ޙުކުމަކީ އޭނާގެ ޢައިރުހާސިރުގައި ކޮށްފައިވާ ޙުކުމެއް ކަމުގައިވުމުން، އެ ޙުކުމް ނިހާއީ ނުވާ ކަމުގައި، އަދި އެހެންކަމުން މުޙައްމަދު ސިނާންގެ މައްޗަށް ސާބިތު ވެފައިވާ ދަރަންޏެއް އޮތްކަމުގައި ބެލެވިގެން ނުވާނެކަމުގައި ބަޔާންކޮށްފައިވެއެވެ. އެ ނުކުތާއާ ގުޅިގެން އަންނަނިވި ކަންކަން ފާހަގަކުރަމެވެ.

18ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 280 ވަނަ މާއްދާއަށާއި 283 ވަނަ މާއްދާއަށް ހަވާލާދީ ހިތަދޫ ކޯޓުގެ ޙުކުމަކީ އިސްތިއުނާފު ކުރުމުގެ ފުރުސަތު އޮތް ޙުކުމެއް ކަމުގައި މުޙައްމަދު ސިނާންގެ ފަރާތުން ފާހަގަކޮށްފައިވާ ހިނދު، އެ ފަރާތުގެ ބަހުން އެ ޙުކުމް އިސްތިއުނާފުކޮށްފައި ނުވާކަން އެނގެއެވެ. އަދި ހަމަ އެއާއެކު، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާއަށް ހަވާލާދީ، ޙުކުމަކީ ޢައިރުހާޟިރުގައި ކޮށްފައިވާ ޙުކުމެއްނަމަ، އަދި ވަކި ޝަރުޠުތަކެއް ފުރިހަމަވާނަމަ، އެ ޙުކުމެއް ބާޠިލުކުރުމަށް ނުވަތަ ބަދަލުކުރުމަށް ހުށަހެޅުމުގެ ފުރުސަތު އޮތްކަން މުޙައްމަދު ސިނާންގެ ފަރާތުން ފާހަގަކޮށްފައިވާ ނަމަވެސް، އެފަރާތުގެ ބަހުން އެ ޙުކުމް ބާޠިލުކުރުމަށް ނުވަތަ ބަދަލުކުރުމަށް ހުށަހަޅާފައި ނުވާކަން އެނގެއެވެ.

19HN4ކޯޓަކުން ނިންމާ ނިންމުމަކަށް ޢަމަލުކުރުން ފަސްކުރުމަށް އެ ކޯޓަކުން ނުވަތަ އެ މައްސަލައެއް އިސްތިއުނާފުކުރާ ކޯޓަކުން ނާންގާހާ ހިނދަކު، ކޮންމެ ކޯޓެއްގެ ނިންމުމަކީ، ވެރިކަން ހިންގާ ފަރާތުންނާއި، ރައްޔިތުންގެ މަޖިލީހުންނާއި، ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުންނާއި، މުސްތަޤިއްލު މަޤާމުތަކުގައި ތިބި މީހުންނާއި، ދައުލަތުގެ މަޤާމުތަކާ ހަވާލުވެތިބި މީހުންނާއި، ސިފައިންނާއި ފުލުހުންގެ މައްޗަށް އެކުލެވިގެންވާ ސަލާމަތީ ޚިދުމަތްތަކުންނާއި އެންމެހައި ރައްޔިތުން އެ މައްޗަށް ޢަމަލުކުރުން ލާޒިމު ނިންމުމެކެވެ. އަދި ދަށު ކޯޓެއްގެ ނިންމުމެއް އިސްތިއުނާފުކުރުމަށް އެދި ހުށަހެޅި ކަމުގައިވީނަމަވެސް، އެ ޙުކުމެއްގެ ޤާނޫނީ ނަތީޖާ ނުވަތަ އެ ޙުކުމް ތަންފީޒުކުރުން ފަސްވެގެނެއްނުދެއެވެ. އެހެންކަމުން:

(ހ) މައްސަލަ އިސްތިއުނާފު ކުރެވިދާނެ ކަމަށް ބުނެ ހުށަހަޅާފައިވާ ހުށަހެޅުމަކީ ހިތަދޫ ކޯޓުގެ ޙުކުމް އިސްތިއުނާފުކުރުމަކާއި ނުލައި، އަދި އިސްތިއުނާފީ މުއްދަތު ފަހަނައަޅާ ދިޔަފަހުން، އެ ފުރުސަތު އޮތްކަމުގައި ބުނެ ހުށަހަޅާފައިވާ ހުށަހެޅުމެއް ކަމުގައިވާތީއާއި؛

(ށ) ޢައިރުހާޟިރުގައި ކުރާ ޙުކުމަކީ އެ ޙުކުމެއް ބާޠިލުކުރުމަށް ނުވަތަ ބަދަލުކުރުމަށް ހުށަހެޅުމުގެ ފުރުސަތު އޮންނަ ޙުކުމެއް ކަމުގައި ފާހަގަކޮށްފައިވާއިރު، އެ ޙުކުމް ބާޠިލުކުރުމަށް ނުވަތަ ބަދަލުކުރުމަށް ހުށަހަޅާފައި ނެތުމުން؛ އަދި

(ނ) ޙުކުމް ބާޠިލުކުރުމަށް ނުވަތަ ބަދަލުކުރުމަށް ފުރިހަމަވާންޖެހޭ ޝަރުޠުތައް އެ މައްސަލައިގައި ފުރިހަމަވާކަން އެނގެން ނެތީސް؛ ހިތަދޫ ކޯޓުން މުޙައްމަދު ސިނާންގެ ޣައިރުހާޟިރުގައި ކުރި ޙުކުމް ނިހާއީ ނުވާކަމުގައި ބުނެ ހުށަހަޅާފައިވާ ސަބަބުތަކަށް އެއްވެސް ބުރަދަނެއް ދެވިދާނެ ބިނާއެއް އޮތްކަމުގައި އަހުރެން ނުދެކެމެވެ.

20މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 79 ވަނަ މާއްދާއަށް ހަވާލާދީ، އެ ނޫން ގޮތަކަށް ޤާނޫނެއްގައި ބަޔާންކޮށްފައިވާ ހާލަތުގައި ފިޔަވައި ކޯޓުގައި ޚަޞްމުން ތަމްސީލުކުރަންޖެހެނީ ޤާނޫނީ ވަކީލުންކަމުގައާއި، ހިތަދޫ ކޯޓުގައި މުޙައްމަދު ސިނާން ތަމްސީލުކުރި ޤާނޫނީ ވަކީލު 05 ސެޕްޓެންބަރު 2024 ގައި އެ މައްސަލައިން ތަނާޒުލުވެފައިވާއިރު، އެކަން މުޙައްމަދު ސިނާނަށް އެނގިފައި ނުވާކަމަށާއި، ހިތަދޫ ކޯޓުން އޭނާއަށް އެކަން އަންގާފައިވާކަން އެނގެން ނެތް ހިނދު، މުޙައްމަދު ސިނާންގެ ޣައިރުހާޟިރުގައި ޙުކުމްކުރަންޖެހުނު ސަބަބެއް އޭނާއަށް ސާފު ނޫން ކަމުގައި މުޙައްމަދު ސިނާންގެ ފަރާތުން ބުނެއެވެ.

21HN5ޢައިރުހާސިރުގައި ޙުކުމްކުރުމުގެ އިޖުރާއަތަކީ ރައްޔިތުންގެ މަޖިލީހުން މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ހިމަނާފައިވާ އިޖުރާއަތެކެވެ. އެ ޤާނޫނުން ޣައިރުހާޟިރުގައި ޙުކުމްކުރުމުގެ މަގު ފަހިކޮށްދީފައިވަނީ ދަޢުވާލިބޭ ފަރާތުން ދަޢުވާއާ ޙަވާލުވުމަށްފަހު، ދަޢުވާގެ ދިފާޢެއް ހުށަހަޅަން ލިބިދޭ މުއްދަތުގައި ދަޢުވާއަށް ދިފާޢެއް ހުށަހަޅާފައި ނުވާނަމައެވެ. މި މައްސަލައިގައި، ހިތަދޫ ކޯޓުން މައްސަލައިގެ ލިޔެކިޔުންތައް މުޙައްމަދު ސިނާންއަށް ރައްދުކުރުމުން މުޙައްމަދު ސިނާންގެ ފަރާތުން ދަޢުވާގެ ބައެއް ދިފާޢުކުރުމަށް ބޭނުންކަމުގައި ބުނެފައިވާއިރު، ދިފާޢު ހުށަހަޅަންޖެހޭ މުއްދަތު ހަމަވިއިރު މުޙައްމަދު ސިނާންގެ ފަރާތުން އެފަދަ ހުށަހެޅުމެއް ހުށަހަޅާފައި ނުވާތީ އަދި އެމް.އައި.ބީގެ ފަރާތުން ޣައިރުހާޟިރުގައި ޙުކުމްކޮށްދިނުމަށް އެދިފައިވާތީ، އެފަދައިން (ޣައިރުހާޟިރުގައި) ޙުކުމް ކޮށްފައިވަނީކަން ހިތަދޫ ކޯޓުގެ ރިޕޯޓުން އެނގެއެވެ.

22މުވައްކިލުގެ މަސްލަހަތު ނެގެހެއްޓުމާއި ފަރުވާތެރިވުމަކީ ޤާނޫނީ ވަކީލުން އަމަލުކުރަން ޤާނޫނުން ލާޒިމުކުރާ ގޮތްކަމުގައި 18 ވާހިނދު، ހިތަދޫ ކޯޓުގެ ރިޕޯޓަށް ބެލުމުން، މުޙައްމަދު ސިނާންގެ ވަކީލު މައްސަލައިން ތަނާޒުލުވެފައިވަނީ ދިފާޢު ހުށަހެޅުމަށް އޮތް މުއްދަތު ފަހަނައަޅާ ދިޔަފަހުންކަން އެނގެން އޮތުމުން، 19 މުޙައްމަދު ސިނާންގެ ވަކީލު އޭނާއަށް އެނގުމަކާއި ނުލައި މައްސަލައިން ތަނާޒުލުވެފައި ވަނިކޮށް އޭނާގެ މައްޗަށް ޣައިރުހާޟިރުގައި ޙުކުމްކޮށްފައިވާ ކަމަށް ބުނާ ބުނުމަކީ އެއްވެސް ޤާނޫނީ ބުރަދަނެއް ދެވޭ ބާވަތުގެ ހުށަހެޅުމެއް ކަމުގައި އަހުރެން ނުދެކެމެވެ.

23HN3އަހުރެން ކުރިމަތީގައި މި އޮތް މައްސަލައަކީ ހަމައެކަނި ސުޕްރީމް ކޯޓަށް ބެލޭ ބާވަތުގެ މައްސަލައެއް ކަމުގައިވެފައި، 20 ޤާނޫނުއަސާސީއާއި ޤާނޫނު މާނަކުރުމުގައި (އަދި ޝަރީޢަތުން ބަލާ އެނޫންވެސް މައްސަލަތަކުގައި) ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެފަހުގެ ނިންމުން 21 ކަމުގައިވާތީ، ސާބިތު ދަރަންޏަކީ ކޮބައިކަމާމެދު މީގެ ކުރިން މި ކޯޓުން ނިންމާފައިވާ ނިންމުންތަކެއް ހުރުމާއެކު، އެ ނިންމުންތަކަށް ބަލަންޖެހެއެވެ. 22

24ސާބިތު ދަރަންޏަކީ، ކޯޓުގެ ޙުކުމެއްގެ ދަށުން އެއް ފަރާތުން އަނެއް ފަރާތަށް ދެއްކުން ލާޒިމުވާ ފައިސާ ކަމުގައި އިލެކްޝަންސް ކޮމިޝަން ވ. ޙަސަން މޫސާ [2021] SC 36] 23 މައްސަލައިގައި ސުޕްރީމް ކޯޓުން ކަނޑައަޅައި، އެ [ކޯޓުގެ ޙުކުމެއްގެ ދަށުން އެއް ފަރާތުން އަނެއް ފަރާތަށް ދެއްކުން ލާޒިމުވާ] ފައިސާއަކީ ދަރިންގެ ޚަރަދުކަމަށް ވިޔަސް، އަނބިމީހާއަށް ކުރަންޖެހޭ ޚަރަދުކަމަށް ވިޔަސް، މައިންބަފައިން ބެލުމުގެ ޚަރަދުކަމަށް ވިޔަސް ނުވަތަ ދޯންޏެއް މަރާމާތު ކުރުމުގެ ޚަރަދެއް ކަމަށް ވިޔަސް އަދި ގެއްލުމުގެ ބަދަލުގެ ގޮތުގައި ކޯޓުން ނަގައިދޭ ފައިސާއެއް ކަމަށް ވިޔަސް، މީހަކު އެހެން މީހަކަށް ދައްކަން ކޯޓުގެ އަމުރަކުން ލައްވާ ކޮންމެ ފައިސާއަކީ ސާބިތު ދަރަންޏެއް ކަމުގައި 18 ޤާނޫނު ނަންބަރު 5/2019 (ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު) ގެ 39 ވަނަ މާއްދާ. 19 އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2024-S2C-CIV-243 ޤަޟިއްޔާ ނިމުނު ގޮތުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 1 ވަނަ އަދި 2 ވަނަ ޕެރެގްރާފް (ސޮފްޓް ކޮޕީގެ 3 އަދި 4 ވަނަ ސަފުހާ) 20 ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 74 ވަނަ މާއްދާ. 21 ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 145 ވަނަ މާއްދާގެ (ނ)؛ ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ށ). 22 މުޙައްމަދު ސިނާންގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުންތަކުގެ ތެރޭގައި، މީގެ ކުރިން ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތަކުގައި ސިޔާބީތު ދަރަނި މާނަކޮށްފައިވާ ގޮތަކީ ޤާނޫނީ ގޮތުން އެކަމުގެ މައްޗަށް ބަހުސް އުފެދޭ މާނަކުރުމެއް ކަމުގައި ހުށަހަޅާފައި ނުވެއެވެ. 23 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-E/02 ޤަޟިއްޔާ. އެ މައްސަލައިގައި ބަޔާންކޮށްފައިވެއެވެ. އަދި ސާބިތު ދަރަނީގެ ތެރޭގައި ރަހުނު ހިމެނޭ ސާބިތު ދަރަންޏާއި ރަހުނު ނުހިމެނޭ ސާބިތު ދަރަނި ހިމެނޭހިނދު، ދަރަނީގެ މުޢާމަލާތެއްގައި ރަހުނެއް ހިމެނިފައިވޭތޯ ނުވަތަ ރަހުނެއް ނުހިމެނޭތޯ ބެލުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި ތަފާތެއް އޮތްކަމެއް ނޫން ކަމުގައި އިލްޔާސް އަޙްމަދު ވ. ޙަސަން ޝިޔާމް އަދި އިލެކްޝަންސް ކޮމިޝަން [2024] SC 16] މައްސަލައިގައި މި ކޯޓުން ކަނޑައަޅާފައިވެއެވެ.

25އެހެންކަމުން، މުޙައްމަދު ސިނާންގެ މައްޗަށް ދަރަންޏެއް ސާބިތުވިކަން ނުވަތަ ނޫންކަމުގެ މައްޗަށް ބެލުމަށްޓަކައި ބަލަންޖެހެނީ ކޯޓުގެ ޙުކުމެއްގެ ދަށުން މުޙައްމަދު ސިނާންގެ މައްޗަށް އެހެން ފަރާތަށް ފައިސާ ދެއްކުން ލާޒިމުވާ ޙުކުމެއް ކޮށްފައި އޮތްކަން ނުވަތަ ނޫންކަމުގެ މައްޗަށެވެ. މި ކަމުގެ މައްޗަށް ބަލާއިރު، ހިތަދޫ ކޯޓުގެ ނަންބަރު 2024-S2C-CIV-243 ޤަޟިއްޔާއިން މުހައްމަދު ސިނާން އާއި އަޙްމަދު ވަޙީދު އާއި މުހައްމަދު ސަލީމްގެ ފަރާތުން، އެފަރާތްތަކާއި އެމް.އައި.ބީއާ މެދު ވެފައިވާ ފެސިލިޓީ އެއްބަސްވުމުގައިވާ ގޮތަށް ފައިސާ ދައްކަމުން ގޮސްފައިނުވާތީ، އެ ފައިސާ ދައްކަން ޙުކުމްކޮށްފައިވެއެވެ. އެ ޙުކުމުން ސާބިތުކޮށްފައިވަނީ މުޙައްމަދު ސިނާން ހިމެނޭ ގޮތުން ދައްކަންޖެހޭ ދަރަންޏެއް ކަމުން، އެއީ އޭގެ ޒާތުގައި ސާބިތު ދަރަންޏެކެވެ.

ޙުކުމާ އެއްގޮތަށް ފައިސާ ދެއްކިކަން ނުވަތަ ނޫންކަން

26ހިތަދޫ ކޯޓުގެ ނަންބަރު 2024-S2C-CIV-243 ޤަޟިއްޔާގެ ނިންމުމުގައި މުޙައްމަދު ސިނާނު ހިމެނޭ ގޮތުން ޖުމްލަ ތިން ފަރާތެއްގެ މައްޗަށް ޙުކުމްކޮށްފައިވަނީ 14 އޮކްޓޫބަރު 2024 އިން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި، ކޮންމެ މަހަކުވެސް އެ މަހަކަށް ޖެހޭ މިންވަރަށް ވުރެ މަދުނޫން ޢަދަދެއް ދައްކަމުންގޮސް އެމް.އައި.ބީ އަށް ދައްކަންޖެހޭ ފައިސާ ދައްކާ ޚަލާޞްކުރުމަށް ނަމަވެސް، އެފަރާތްތަކުން ޙުކުމުގައިވާ ގޮތަށް ކޮންމެ މަހަކު ފައިސާ ދައްކާފައިނުވާ ކަމުގައި ޣާލިބް ސަލީމްގެ ފަރާތުން ބުނެއެވެ. އިލެކްޝަންސް ކޮމިޝަން ވ. ޙަސަން މޫސާ [2021] SC 36] (ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-E/02 17 ވަނަ ޕެރެގްރާފް.

27ކަން މިހެން އޮތްއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައިވާ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތްނަމަ، އެ މެންބަރެއްގެ ފަރާތުން ޙުކުމާ އެއްގޮތަށް ދަރަނި އަދާކުރަމުން ނުދާނަމަ، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެކަމަށް ބަޔާންކޮށްފައިވާތީ، އަދި މުޙައްމަދު ސިނާންގެ ފަރާތުން ހިތަދޫ ކޯޓުގެ އިސްވެ ބަޔާންކުރި ޙުކުމުގައިވާ ފަދައިން ފައިސާ ދައްކަމުން ގޮސްފައިނުވާތީ، މިއީ މުޙައްމަދު ސިނާން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ޙާލަތެއް ކަމުގައި ޢާލިބް ސަލީމްގެ ފަރާތުން ބުނެއެވެ.

28ހިތަދޫ ކޯޓުގެ ނަންބަރު 2024-S2C-CIV-243 ޤަޟިއްޔާއިން 14 އޮކްޓޫބަރު 2024 ދުވަހު ކޮށްފައިވާ ޙުކުމާ އެއްގޮތަށް، ޙުކުމް ކުރި ދުވަހުން ފެށިގެން 6 (ހައެއް) މަސްދުވަސް ތެރޭގައި ދައްކަންޖެހޭ ފައިސާ 15 އޭޕްރީލް 2025 ގައި ދައްކާ ޚަލާޞްކޮށްފި ކަމުގައާއި، މިކަން ހިތަދޫ ކޯޓުގެ ނަންބަރު 2024-S2C-ENF-469 ޤަޟިއްޔާ އިން (މީގެ ފަހުން "ތަންފީޒީ ޤަޟިއްޔާ") އެނގެން އޮތްކަމުގައާއި، އެމް.އައި.ބީ އިން ފެސިލިޓީ އެކައުންޓް ބަންދުކޮށްފައިވާ ކަމަށް މުޙައްމަދު ސިނާންގެ ފަރާތުން ބުނެއެވެ. އެގޮތުން ތަންފީޒީ ޤަޟިއްޔާގައި، "[...] ޙުކުމާ އެއްގޮތަށް ދަޢުވާލިބޭ ފަރާތްތަކުން ދައްކަންޖެހި ނުދެއްކިވާ ފައިސާ 13 ފެބުރުވަރީ 2025 ގައި ދައްކާފައިވާ ކަމަށް ދަޢުވާކުރާ ފަރާތުން ބުނެފައިވާ [...]" ކަމަށް އެ މައްސަލައިގެ ޙުކުމުގައި އޮތްކަން މުޙައްމަދު ސިނާންގެ ފަރާތުން ފާހަގަކޮށް، އެ ޙުކުމަކީ މަތީ މަރުޙަލާއެއްގެ ކޯޓަކުން ބަދަލުކޮށްފައިވާ ޙުކުމެއް ނޫންކަމުގައި އެފަރާތުން ބުނެއެވެ.

29މި ކަންކަމުގެ އިތުރުން، ޙުކުމުގައިވާ މުއްދަތުގައި ޙުކުމުގައި ބުނާ ފައިސާ ދައްކާ ޚަލާސްކޮށްފައިނުވާނަމަ، ޙުކުމުގައި ރަހުނު ކުރެވުނު މުދާ ވިއްކުން ހިމެނޭކަމުން، ޙުކުމުގައި ބުނާ މުއްދަތުގައި ފައިސާ ނުދައްކައިފިނަމަ، ޙުކުމުގެ ދެވަނަ ބައިގައި ބުނާ މުދާ ވިއްކުމުގެ ފުރުސަތުއޮތަތީ، ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި ރަހުނު ވިއްކުމާ ގުޅޭގޮތުން ޙުކުމުގައި ބަޔާންކޮށްފައިވާ ބައި އުނިވާ ސަބަބެއް މައްސަލަ ހުށަހެޅި ފަރާތުން ބަޔާންކޮށްދީފައިނުވާ ކަމުގައިވެސް މުޙައްމަދު ސިނާންގެ ފަރާތުން ބުނެއެވެ. އަދި މުޙައްމަދު ސިނާންގެ މައްޗަށް ހިތަދޫ ކޯޓުން ޙުކުމްކޮށްފައިވަނީ ޣައިރުޙާޟިރު ކަމުގައިވެފައި، ޙުކުމް ކުރިކަން މުޙައްމަދު ސިނާނަށް އެނގިފައިވަނީ 22 ޖަނަވަރީ 2025 ކަމުގައިވުމުން، ޙުކުމާ އެއްގޮތަށް ފައިސާ ދައްކާފައިނުވާ ކަމުގައި ބެލިގެން ނުވާނެކަމުގައިވެސް މުޙައްމަދު ސިނާންގެ ފަރާތުން ފާހަގަކުރެއެވެ.

30އެމް.އައި.ބީ އިން ހުށަހަޅައިގެން، މުހައްމަދު ސިނާން އާއި އަޙްމަދު ވަޙީދު އާއި މުހައްމަދު ސަލީމްގެ މައްޗަށް ރައްދުވާގޮތަށް ހިތަދޫ ކޯޓުގެ ނަންބަރު 2024-S2C-CIV-243 ޤަޟިއްޔާއިން ހިންގި މައްސަލައިގެ ޙުކުމުގައި ފައިސާ ދެއްކުމާބެހޭ ގޮތުން އޮންނަނީ އަންނަނިވި ފަދައިންނެވެ. "[...] 14 އޮކްޓޫބަރު 2024 ގެ ނިޔަލަށް ސޭލް އެންޑް ލީސްބެކް ފައިނޭންސިންގ ފެސިލިޓީގެ ބާކީ ހުރި 2,444,433.97 ރުފިޔާ (ދެ މިލިއަން ހަތަރު ލައްކަ ސާޅީސް ހަތަރުހާސް ހަތަރު ސަތޭކަ ތިރީސް ތިން ރުފިޔާ ނުވަދިހަ ހަތް ލާރި) އާއި، ޗެރިޓީގެ ގޮތުގައި އަރާފައިވާ 75,789.01 ރުފިޔާ (ހަތްދިހަ ފަސްހާސް ހަތްސަތޭކަ އަށްޑިހަ ނުވަ ރުފިޔާ އެއް ލާރި) އާއެކު ޖުމްލަ 2,520,222.98 ރުފިޔާ (ދެ މިލިއަން ފަސްލައްކަ ވިހިހާސް ދުއިސައްތަ ބާވީސް ރުފިޔާ ނުވަދިހަ އަށް ލާރި) އަކީ މޯލްޑިވްސް އިސްލާމިކް ބޭންކް ޕލކ އަށް މުޙައްމަދު ސިނާން އާއި އަޙްމަދު ވަޙީދު އާއި މުޙައްމަދު ސަލީމް ދައްކަންޖެހޭ ފައިސާކަން ހުށަހެޅިފައިވާ ލިއުންތަކުން ޝަރީޢަތަށް ސާބިތުވާ ކަމަށް ކަނޑައަޅައި، މި ފައިނޭންސިންގ ފެސިލިޓީއަށް ދައްކަންޖެހޭ ފައިސާ ދައްކާ ޚަލާޞްކުރުމާ ހަމައަށް، ފެސިލިޓީއާ ގުޅިގެން މަހުންމަހަށް އަރަމުންދާ "މަންތްލީ ރެންޓަލް" އާއި އެއްބަސްވުމާއި އެއްގޮތަށް ފައިސާ ދައްކާފައިނުވާތީ ޗެރިޓީގެ ގޮތުގައި އަރަމުންދާ ފައިސާއާއެކު، މިއަދުން ފެށިގެން 06 (ހައެއް) މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކުވެސް އެމަހަކަށްޖެހޭ ޢަދަދަށްވުރެ މަދުނޫން ޢަދަދެއް މޯލްޑިވްސް އިސްލާމިކް ބޭންކް ޕލކ އަށް ދައްކަމުންގޮސް މިފައިސާ ދައްކާ ޚަލާޞްކުރުމަށް ދަޢުވާލިބޭ މުޙައްމަދު ސިނާން އާއި އަޙްމަދު ވަޙީދު އާއި މުޙައްމަދު ސަލީމް އަށް އަންގައި، މި ޙުކުމާ އެއްގޮތަށް ފައިސާ ނުދައްކައިފިނަމަ، މި ފެސިލިޓީއާ ގުޅިގެން ރަހުނުކޮށްފައިވާ މުޙައްމަދު ސިނާންގެ ނަމުގައި ރަޖިސްޓަރީ ކުރެވިފައިވާ "ރޯދި" ނަމަކަށް ކިޔުނު ރަޖިސްޓަރީ ނަންބަރު P9457A-01 02-S ދޯނި، އަދި މުޙައްމަދު ސަލީމްގެ ނަމުގައި ރަޖިސްޓަރީކުރެވިފައިވާ ރަޖިސްޓަރީ ނަންބަރު 2152 "ޕްރެޝަސް" ސ.ހިތަދޫ އެވެ ކިޔުނު ގޯއްޗާއި، އެ ގޯތީގައިވާ އެންމެހާ އިމާރާތްތަކާއި ގުޅޭ ރަހުނު އެއްބަސްވުންތަކުގައިވާ ކަންކަން ތަންފީޒުކޮށް މިފެސިލިޓީއަށް ދައްކަންޖެހޭ އެންމެހާ ފައިސާހޯދުމުގެ ބާރު މޯލްޑިވްސް އިސްލާމިކް ބޭންކް ޕލކ އަށް ލިބިގެންވާކަމަށް ކަނޑައަޅައި، ބުނެވިދިޔަ ރަހުނުތަކަކީ މި ފެސިލިޓީއާގުޅިގެން ބޭންކަށް ލިބެންޖެހޭ އެންމެހާ ފައިސާ ލިބިދެވޭނެކަމުގެ ޔަޤީންކަމެއްގެ ގޮތުން ކުރެވުނު ރަހުނުތަކެއް ކަމުގައިވީހިނދު، ފެސިލިޓީއާ ގުޅިގެން ދައްކަންޖެހޭ އެންމެހާ ފައިސާ ދައްކާ ޚަލާސްކުރެވި ފެސިލިޓީ އެކައުންޓް ބަންދުކުރެވެންދެން، ރަހުނު އެގްރީމަންޓްތަކުގެ ދަށުން ދަޢުވާކުރާ ފަރާތަށް ލިބިގެންވާ އެންމެހާ ޙައްޤުތަކާއި ބާރުތައް ބާޠިލުނުވެ ދެމިގެންދާނެކަމަށް ކަނޑައަޅައި، ދަޢުވާލިބޭ ސ.ހިތަދޫ ހުޅުދޫއާގެ، މުޙައްމަދު ސިނާން އާއި ސ.ހިތަދޫ، […] މުޙައްމަދު ސަލީމް އާއި ސ.ހިތަދޫ، […] އަޙްމަދު ވަޙީދުގެ ޣައިރުހާޟިރުގައި ޙުކުމްކޮށްފީމެވެ."

31އެންމެ ފުރަތަމަ އަހުރެން ބަލާނީ ޙުކުމުގައި ރަހުނު ކުރެވުނު މުދާ ވިއްކުން ހިމެނޭކަމުން، ޙުކުމުގައި ބުނާ މުއްދަތުގައި ފައިސާ ނުދައްކައިފިނަމަ ރަހުނު ވިއްކުމުގެ ފުރުސަތު އޮތުމުގެ މައްޗަށް ބިނާކޮށް މުޙައްމަދު ސިނާންގެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާއަށެވެ.

32HN6ހިތަދޫ ކޯޓުގެ ޙުކުމުގެ އިބާރާތަށް ބެލުމުން، ދައްކަންޖެހޭ ފައިސާއަކީ ނުވަތަ ޙުކުމުން ސާބިތުވާ ދަރަންޏަކީ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ފައިސާކަން ސާފެވެ. ރަހުނަކީ އެއްބަސްވެފައިވާ ގޮތަށް ފައިސާ ނުދައްކައިފިނަމަ، އެ ފައިސާ އަނބުރާ ލިބިދެވޭނެ ކަމުގެ ޔަޤީންކަމެއްގެ ގޮތުން ސެކިއުރިޓީއެއްގެ ގޮތުގައި ބަހައްޓާ މުދަލެވެ. އަދި އެފަދަ މުދަލަކީ ސާބިތުވި ދަރަނި ފައިސާ ނުދައްކައިފިނަމަ، އެ މުދާ ވިއްކާލުމުގެ ބާރާއި އިޚްތިޔާރު ފައިސާ ދޫކުރި / ރަހުނު ހިފި ފަރާތަށް ލިބޭ މުދަލެކެވެ. ދަރަނި ސާބިތުކުރާ މައްސަލަތަކުގެ ތެރެއިން ރަހުނު ހިމެނޭ މައްސަލަތަކުގައި އެބައި ޙުކުމުގައި ގެންނަނީ ދައުވާކުރާ ފަރާތްތަކުން އެފަދައިން އެދޭތީ، އެއީ އެއްބަސްވުމުގެ ދަށުން އެފަރާތަށް ލިބިދޭ ބާރެއްގެ ގޮތުގައި އޮންނާތީއެވެ.

33ހިތަދޫ ކޯޓުގެ ޙުކުމުގައި ސާބިތުވި ދަރަނި ފައިސާއަށާއި އެ ފައިސާ ދައްކަންވީ ގޮތް ބަޔާންކުރުމަށްފަހު، އެ ފައިސާ ޙުކުމުގައިވާގޮތަށް ނުދައްކައިފިނަމަ ރަހުނު ތަންފީޒު ކުރުމުގެ ބާރު އެމް.އައި.ބީ އަށް ލިބިގެންވާ ކަމަށް ބަޔާންކޮށްފައިވުމަކީ މުޙައްމަދު ސިނާންގެ ފަރާތުން ހުށަހަޅާފައިވާ ފަދައިން ޙުކުމުގައިވާ ސާބިތު ދަރަންޏަކީ ފައިސާ ދެއްކުމާއި ރަހުނު ތަންފީޒުކުރުމަށްފަހުގެ ނަތީޖާއަކަށް ވެގެންދިއުމެއް ނޫނެވެ. މި ރައުޔުގައި ކުރިން ފާހަގަކޮށްފައިވާ ފަދައިން، ސުޕްރީމް ކޯޓުގެ ނިންމުންތަކުގައި ސާބިތު ދަރަންޏަކީ ކޮބައިކަމާއި، ދަރަންޏަކާ ގުޅިގެން ރަހުނު އޮތުން ނުވަތަ ނެތުމަކީ މި ހާލަތުގައި ބަލަންޖެހޭކަމެއް ނޫނެވެ.

34ހިތަދޫ ކޯޓުން މުޙައްމަދު ސިނާންގެ މައްޗަށް ޙުކުމްކޮށްފައިވަނީ ޣައިރުޙާޟިރު ކަމުގައިވުމުން، 22 ޖަނަވަރީ 2025 ގެ ކުރިން އޭނާއަށް މައްސަލައިގެ ޙުކުމް ކުރިކަން އެނގިފައިނުވާ ކަމުގައި މުޙައްމަދު ސިނާންގެ ފަރާތުން ބުނާ ބުނުމަށް ބަލާއިރު، މި ރައުޔުގައި ކުރިން ފާހަގަކޮށްފައިވާ ފަދައިން، ޣައިރުހާޟިރުގައި ޙުކުމް ކުރުމުގެ އިޖުރާއަތަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ހިމެނޭ އިޖުރާއަތެއް ކަމުގައިވެފައި، ހިތަދޫ ކޯޓުން މުޙައްމަދު ސިނާންގެ މައްޗަށް ޣައިރުޙާޟިރުގައި ކުރި އެ ޙުކުމް ތައުނުކުރުމުގެ ގޮތުން މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގައިވާ ގޮތަށް ޙުކުމް ބަދަލުކުރުމަށް ނުވަތަ ބާޠިލުކުރުމަށް މުޙައްމަދު ސިނާންގެ ފަރާތުން ހުށަހަޅާފައި ނުވާތީ، އަދި އެ ޙުކުމަކީ ޤާނޫނު ނުވަތަ އިޖުރާއަތާއި ޚިލާފު ނިންމުމެއް ކަމުގައިބުނެ މުޙައްމަދު ސިނާންގެ ފަރާތުން އެ ނިންމުން އިސްތިއުނާފު ކުރުމަށްވެސް ހުށަހަޅާފައި ނުވާތީ، ހިތަދޫ ކޯޓުގެ ޙުކުމަކީ ޣައިރުހާޟިރުގައި ނިންމާފައިވާ ނިންމުމެއް ކަމުގައިވުމުން، އެކަން ފާހަގަކޮށް މި މައްސަލައިގެ ތެރެއިން ވާހަކަ ދެއްކުމުގެ ބިނާއެއް އޮތްކަމުގައި އަހުރެން ނުދެކެމެވެ.

35ހިތަދޫ ކޯޓުން މުޙައްމަދު ސިނާންގެ މައްޗަށް ފައިސާ ދެއްކުމަށް ޙުކުމެއް ކުރި ހިނދު، އެކަން (ހުކުމް ކުރިކަން) މުޙައްމަދު ސިނާންއަށް އެނގިފައި ނުވާކަމުގައި ބުނެ ހުށަހަޅާފައިވާ ހުށަހެޅުމަށް ބަލާއިރު، މި މައްސަލައާ ގުޅިގެން ހިތަދޫ ކޯޓުންނާއި އެމް.އައި.ބީ އިން ހޯދުނު ލިޔެކިޔުމަށް ބެލުމުން، ހިތަދޫ ކޯޓުން 15 އޮކްޓޫބަރު 2024 ގައި މުޙައްމަދު ސިނާންއަށް ވައިބަރ މެދުވެރިކޮށް ޙުކުމް ކުރެވުނުކަމާއި ޙުކުމުގެ ކޮޕީއެއް ރައްދުކޮށް، އެ މަޢުލޫމާތު މުޙައްމަދު ސިނާނަށް ލިބިއްޖެކަމުގެ މެސެޖެއް ވައިބަރ މެދުވެރިކޮށް އޭނާ ކޯޓަށް ފޮނުވާފައިވާކަން އެނގެން އެބައޮތެވެ. އަދި އެމް.އައި.ބީ އިން ދޫކުރި ކްރެޑިޓް ފެސިލިޓީއަށާއި ހިތަދޫ ކޯޓުގެ ޙުކުމަށް ހަވާލާދީ، "[...] 14 އޮކްޓޫބަރު 2024 އިން ފެށިގެން 06 (ހައެއް) މަސް ދުވަހުގެ ތެރޭގައި ކޮންމެ މަހަކުވެސް އެ މަހަކަށް ދައްކަންޖެހޭ މިންވަރަށްވުރެ މަދުނޫން އަދަދެއްގެ ފައިސާ ދައްކަމުންގޮސް މި ފެސިލިޓީގެ އެންމެހައި ފައިސާ މޯލްޑިވްސް އިސްލާމިކް ބޭންކް ޕލކ އަށް ދައްކާ ޚަލާސްކުރުމަށް ފުރުސަތު ދެއްވާފައި [...]" ވާތީ، ޙުކުމާ އެއްގޮތަށް ފައިސާ ދެއްކުމަށް ހަނދާންކޮށްދީ، ޙުކުމާ އެއްގޮތަށް ފައިސާ ނުދައްކާނަމަ، އިތުރު އެންގުމަކާއި ނުލައި ޙުކުމް ތަންފީޒުކުރަން ހުށަހަޅާނެ ކަމުގައި ބަޔާންކޮށް އެމް.އައި.ބީ ގެ ފަރާތުން 21 ނޮވެންބަރު 2024 ގައި އީމެއިލް މެދުވެރިކޮށް މުޙައްމަދު ސިނާންއަށް ސިޓީއެއް ފޮނުވާފައިވާކަން އެނގެން އޮވެއެވެ.

36HN7މީގެ އިތުރުން، ކޯޓަކުން ކުރާ ޙުކުމެއްގެ ބާރު ޙުކުމް ކުރާ ހިސާބުން ދެމި އޮންނާތީ އާއި، ޤާނޫނު ނޭނގުމަކީ ކޯޓު ކުރިމަތީގައި ހުއްޖަތެއް ކަމުގައި ނުވާތީ އާއި، އަމިއްލަ އަމަލުތަކުގެ ސަބަބުން މެދުވެރިވާ ކަންކަމުގެ ޙަޤީޤަތްތައް ނޭނގޭތީ ޒިންމާ ނަގަން ނުޖެހޭ ކަމަށް ބުނުމަކީ ޤާނޫނު ޤަބޫލުކުރާ ކަމެއް ނޫންކަމުން، މުޙައްމަދު ސިނާންގެ ފަރާތުން އޭނާގެ މައްޗަށް ޙުކުމްކުރިކަން ނޭނގޭ ކަމުގައި، ނުވަތަ ޙުކުމް ލިބިފައިނުވާ ކަމުގައި، ނުވަތަ ޙުކުމް ނުކިޔާ ކަމުގައި ބުނާބުނުމަށް އެއްވެސް ބުރަދަނެއް ދެވޭނެ ހަމައެއް ނެތެވެ.

37ޙުކުމާ އެއްގޮތަށް މުޙައްމަދު ސިނާންގެ ފަރާތުން ފައިސާ ދައްކާފައިވާކަން ނުވަތަ ނޫންކަމުގެ މައްޗަށް ބަލާއިރު، ހިތަދޫ ކޯޓުގެ ޙުކުމުގައިވަނީ ކޮންމެ މަހަކުވެސް އެމަހަކަށް ޖެހޭ މިންވަރަށްވުރެ މަދުނޫން ޢަދަދެއް ދައްކަމުންގޮސް އެމް.އައި.ބީ އަށް ދައްކަންޖެހޭ ފައިސާ ދައްކާ ޚަލާސްކުރުމަށް ކަމަށް ޣާލިބް ސަލީމްގެ ފަރާތުން ބުނާއިރު، ޙުކުމުގައިވާ ގޮތުން ފައިސާ ދައްކަންޖެހެނީ 6 (ހައެއް) މަސްދުވަސް ތެރޭގައި ކަމުގައާއި އެ މުއްދަތު ހަމަވުމުގެ ކުރިން، 15 އޭޕްރީލް 2025 ގައި އެމް.އައި.ބީ އަށް ދައްކަންޖެހޭ ފައިސާ ދައްކާ ޚަލާސްކޮށްފި ކަމުގައި މުޙައްމަދު ސިނާން ބުނެއެވެ.

38ޙުކުމުގެ އިބާރާތް މި ރައުޔުގައި ކުރިން ނަކަލުކޮށްފައިވާނެއެވެ. ޙުކުމުގައި އޮތީ "[...]މިއަދުން ފެށިގެން 06 (ހައެއް) މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކުވެސް އެމަހަކަށްޖެހޭ ޢަދަދަށްވުރެ މަދުނޫން ޢަދަދެއް މޯލްޑިވްސް އިސްލާމިކް ބޭންކް ޕލކ އަށް ދައްކަމުންގޮސް މިފައިސާ ދައްކާ ޚަލާސް [...]" ކުރުމަށެވެ. ހުކުމުގައި ހަވާލާދޭ "މިއަދަކީ" ޙުކުމްކުރި 14 އޮކްޓޫބަރު 2024 ދުވަހެވެ.

39HN8ކޯޓުތަކުން މި ބާވަތުގެ މައްސަލަތަކުގައި ޙުކުމްކުރާ ގޮތަށް ބަލާއިރު، ވަކި މުއްދަތެއްގެ ތެރޭގައި ފައިސާ ދެއްކުމަށް އަންގާނަމަ - މިސާލަކަށް 8 މަސް ދުވަހުގެ ތެރޭގައި - ޙުކުމުގައި އޮންނާނީ އެހެނެވެ. އެއާއި ޚިލާފަށް، ވަކި މުއްދަތެއްގެ ތެރޭގައި، ވަކި ގޮތަކަށް ފައިސާ ދެއްކުމަށް އަންގާނަމަ - މިސާލަކަށް 8 މަސް ދުވަހުގެ ތެރޭގައި، ކޮންމެ މަހަކު އެމަކަށް ޖެހޭ މިންވަރަށް ވުރެ މަދުނޫން ޢަދަދެއް ދެއްކުމަށް - ޙުކުމް އޮންނާނީ އެކަން އިނގޭފަދަ އިބާރާތާ އެކުއެވެ. ފަހުން މި ފާހަގަކުރި ގޮތަށް ޙުކުމާ އެއްގޮތަށް ފައިސާ ދައްކާނަމަ، ކޮންމެ މަހަކުވެސް ފައިސާ ދައްކަމުންގޮސް ޖުމްލަ މުއްދަތު (8 މަސް ދުވަސް) ގެ ތެރޭގައި ފައިސާ ދައްކާ ޚަލާސްކުރަންޖެހޭނެއެވެ. އެ ޖުމްލަ މުއްދަތު އޮންނަނީ އެންމެ ލަސް ނުވަތަ ފަހު ތާރީޚެއްގެ ގޮތުގައެވެ.

40ހިތަދޫ ކޯޓުން ކުރި ޙުކުމުގައި ފައިސާ ދައްކަން އަންގާފައިވަނީ 06 (ހައެއް) މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކުވެސް އެމަހަކަށްޖެހޭ ޢަދަދަށްވުރެ މަދުނޫން މިންވަރެއް ދެއްކުމަށެވެ. ހިތަދޫ ކޯޓުން ކުރި މި ޙުކުމާމެދު އެ ކޯޓުން ދެކޭ ގޮތް ސާފެވެ. އެހެނީ، އެ ކޯޓުން ޙުކުމް ކުރުމުގެ ޖުމްލަ 06 (ހައެއް) މަސް ދުވަސް ހަމަވުމުގެ ކުރިން ތަންފީޒީ މައްސަލަ ބަލައިގެންފައިވާތީއެވެ.

41މިކަން މި ފާހަގަކުރަނީ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 367 ވަނަ މާއްދާގެ (ހ) ގައި ބުނާގޮތުން، ޙުކުމް ތަންފީޒުކުރުމުގެ އިޖުރާއަތު ފެށޭނީ (1) ޙުކުމުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ދަރަނިވެރިޔާގެ އަމިއްލަ އިޚްތިޔާރުގައި ފުރިހަމައަށް ޙުކުމް ތަންފީޒުކޮށްފައި ނުވާނަމަ، އަދި (2) ޙުކުމް ތަންފީޒުކޮށްދިނުމަށް އެދި އަރަނިވެރިޔާގެ ފަރާތުން ކޯޓަށް ހުށަހަޅައިފިނަމައެވެ. މި މާއްދާގެ ދަށުން ސާބިތު ދަރަނި ދައްކަން ޖެހޭ މުއްދަތުގައި އެ ދަރަނި ދައްކަމުންދާނަމަ، ހުކުމް ތަންފީޒު ކުރުމުގެ މަރުހަލާ ކުރިއަކަށް ނުގެންދެވެއެވެ. އެހެންކަމުން، ހިތަދޫ ކޯޓުން މުޙައްމަދު ސިނާން ހިމެނޭގޮތުން ތަންފީޒީ މައްސަލައެއް ބަލައިގެންފައިވާތީ، ހިތަދޫ ކޯޓުން އެ ކޯޓުގެ ޙުކުމް މާނަކޮށްފައިވަނީ 06 (ހައެއް) މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކުވެސް އެމަހަކަށްޖެހޭ ޢަދަދަށްވުރެ މަދުނޫން މިންވަރަކަށް ފައިސާ ދައްކަންޖެހޭ ކަމުގައެވެ. މިއީ، އެ ޙުކުމް ކިޔުމުން އަހުރެންނަށްވެސް ދޭހަވާގޮތެވެ.

42އެހެންކަމުން، މުޙައްމަދު ސިނާންގެ މައްޗަށް ހިތަދޫ ކޯޓުން ސާބިތުވި ދަރަނި، އެ ކޯޓުގެ ޙުކުމުގައިވާ ފަދައިން އޭނާގެ ފަރާތުން ދައްކަމުންގޮސްފައިވާ ކަމުގައި އަހުރެން ނުދެކެމެވެ.

ނިންމަން ފެންނަ ގޮތް

43HN9އަހުރެންގެ ކުރިމަތީގައި މި އޮތް މައްސަލައަކީ ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާންގެ ކިބައިން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގައިވާ ޝަރުޠު އުނިވެއްޖެ ކަމުގައި ބުނެ، މުހައްމަދު ސިނާން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވެއްޖެ ކަމަށް ކަނޑައަޅައި ދިނުން އެދި ހުށަހަޅާފައިވާ މައްސަލައެކެވެ. މުހައްމަދު ސިނާން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވެއްޖެ ކަމަށް ބުނެ ޣާލިބު ސަލީމް ހަވާލާދޭ ޝަރުޠަކީ، އަދާ ކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރުމާ ގުޅޭ ޝަރުޠެއް ކަމުގައިވާތީ، އެ ކަންކަމުގެ މައްޗަށް ބަލާއިރު، އަހުރެންގެ ރައުޔުގައި ފާހަގަކޮށްފައިވާ ސަބަބުތަކަށްޓަކައި، ހިތަދޫ ކޯޓުގެ ނަންބަރު 2024-S2C-CIV-243 ޤަޟިއްޔާއިން މުޙައްމަދު ސިނާންގެ މައްޗަށް ދަރަންޏެއް ސާބިތުވެފައިވާ ކަމާއި، އެ ޙުކުމާ އެއްގޮތަށް އޭނާގެ ފަރާތުން ފައިސާ ދައްކާފައި ނުވާކަން އެނގެއެވެ.

44މުޙައްމަދު ސިނާންއަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްކަމުގައިވާތީ، ހިތަދޫ ކޯޓުގެ (އިސްވެ ހަވާލާދީފައިވާ) ޙުކުމާ އެއްގޮތަށް މުޙައްމަދު ސިނާންގެ ފަރާތުން ފައިސާ ދައްކާފައި ނުވުމުގެ ނަތީޖާއަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގައި ސަރީޚަ ބަހުން ބަޔާންކޮށްފައިވާ ގޮތުން، އޭނާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވުމެވެ. އެހެންކަމުން، ހިތަދޫ ކޯޓުގެ ނަންބަރު 2024-S2C-CIV-243 ޤަޟިއްޔާއިން މުޙައްމަދު ސިނާންގެ މައްޗަށް ސާބިތުވި ދަރަނި، އެ ޙުކުމާ އެއްގޮތަށް ދައްކާފައި ނުވުމުގެ ސަބަބުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން މުޙައްމަދު ސިނާން ވަކިވެއްޖެ ކަމުގައި ކަނޑައަޅަން އަހުރެންނަށް ފެނެއެވެ.

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު

45މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު

46މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔު

47މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު މުޙައްމަދު ސަލީމްގެ ރައުޔު

48މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، މަތީގައި ބަޔާންކުރި ސަބަބުތައް އެގޮތުގެ މަތިން ހުރުމުން، އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2024-S2C-CIV-243 ޤަޟިއްޔާއިން ސ.ހިތަދޫ ހުޅުދޫއާގެ، މުޙައްމަދު ސިނާންގެ މައްޗަށް ސާބިތުވި ދަރަނި، އެ ޙުކުމާ އެއްގޮތަށް ދައްކާފައި ނުވުމުގެ ސަބަބުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޙާލަތު މެދުވެރިވެ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން މުޙައްމަދު ސިނާން ވަކިވެއްޖެ ކަމުގައި ކަނޑައަޅައި، ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ. މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ: (ރިޔާސަތު)

ފުޓްނޯޓު

  1. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-C/78, 2020/SC-C/79 ޤަޟިއްޔާގެ 56 ވަނަ ޕެރެގްރާފް.
  2. 20 އޮކްޓޫބަރު 2007 ދުވަހު ބޭއްވި އެ ކޮމިޓީގެ 164 ވަނަ ބައްދަލުވުން.
  3. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-C/78, 2020/SC-C/79 ޤަޟިއްޔާގެ 56 ވަނަ ޕެރެގްރާފް.
  4. A "judgement debt" is a monetary obligation which is either evidenced by written record, or brought about by successful legal action against the debtor. A debt, whether on simple contract or by specialty, for the recovery of which judgement has been entered, either upon cognovit or upon warrant or attorney or as the result of a successful legal action – Black’s Law Dictionary.
  5. An "undischarged insolvent" refers to an individual or entity that has been declared insolvent by a court but has not yet completed the legal process required to be released from their debts. Essentially, they are still legally considered insolvent and are not yet discharged from their obligations - Black’s Law Dictionary.
  6. ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 77 ވަނަ މާއްދާ.
  7. ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 281 ވަނަ މާއްދާ.
  8. ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ ދިހަވަނަ ބާބު
  9. ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 112 ވަނަ މާއްދާ.
  10. އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2024-S2C-CIV-243 ޤަޟިއްޔާ ނިމުނު ގޮތުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 1 ވަނަ ޕެރެގްރާފް (ސޮފްޓް ކޮޕީގެ 3 ވަނަ ސަފުހާ)
  11. އިލެކްޝަންސް ކޮމިޝަން ވ. ޙަސަން މޫސާ [2021] SC 36 (ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-E/02 ޤަޟިއްޔާ) ގެ 17 ވަނަ ޕެރެގްރާފް.
  12. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2024/SC-E/03 ޤަޟިއްޔާ ގެ 21 އަދި 22 ވަނަ ޕެރެގްރާފް.
  13. ދަޢުވާކުރާ ފަރާތްތަކުން އެފަދައިން ނުއެދޭނަމަ، ރަހުނުގެ ބައި ޙުކުމުގައި ހިމަނާފައި ނުހުރެއެވެ. އޭގެ ނަތީޖާއަކަށް ވެގެންދާނީ ޙުކުމުގައިވާ ގޮތަށް ފައިސާ ނުދައްކައިފިނަމަ، ރަހުނު ތަންފީޒުކުރަން ވަކި ޤަޟިއްޔާއެއް ހުށަހަޅަންޖެހުމެވެ. އެހެންކަމުން، މާލީ އިދާރާތަކާއެކު އެކި ފަރާތްތަކުން ކުރާ މުޢާމަލާތްތަކުގައި އެއްބަސްވުމުގެ ދަށުން ފައިސާ ނުދައްކައިގެން ދަޢުވާކުރާއިރު ރަހުނު ތަންފީޒުކުރުމުގެ ބާރު އޮތްކަން ކަނޑައަޅާދިނުން ހުށަހެޅުމަކީ އާންމުކަމެކެވެ.
  14. މި ރައުޔުގެ 24 ވަނަ ޕެރެގްރާފް. މީގެ އިތުރުން، އިލްޔާސް އަޙްމަދު ވ. ޙަސަން ޝިޔާމް އަދި އިލެކްޝަންސް ކޮމިޝަން SC 16 [2024] (ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2024/SC-E/03 ޤަޟިއްޔާ) ގެ ޕެރެގްރާފް 36 ގައި ފަނޑިޔާރު ހުސްނުއްސުއޫދުގެ ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 161 ވަނަ މާއްދާއާ ހަވާލާދީ ވިދާޅުވެފައިވާގޮތުންވެސް، މުޢާމަލާތަކާއި ގުޅިގެން ފައިސާ ދައްކާނެކަމުގެ ކަށަވަރުކަން ދިނުމުގެ ގޮތުން ރަހުނެއް ބަހައްޓޯފައިވުމަކީ ދަރަނި ސާބިތުވުމުން ރަހުނެއް އޮތަތީ ޙުކުމާ އެއްގޮތަށް ފައިސާ ނުދައްކާ މީހަކު ޙުކުމާ އެއްގޮތަށް ފައިސާ ދައްކާކަން ދަލާލަތުކޮށްދޭ ކަމެއް ނޫނެވެ.
  15. މި ރައުޔުގެ 18 ވަނަ ޕެރެގްރާފް.
  16. މޯލްޑިވްސް އިސްލާމިކް ބޭންކް ޕލކ ގެ ނަންބަރު MIB/LEGAL/2024/2450 (20 ނޮވެންބަރު 2024) ސިޓީ ފޮނުވާފައިވަނީ އެމް.އައި.ބީގެ [email protected] އީމެއިލް އެޑްރެހުންނެވެ. އެ އީމެއިލް ރައްދުކޮށްފައިވާ އީމެއިލް އެޑްރެސްތަކުގެ ތެރޭގައި މުޙައްމަދު ސިނާންގެ [email protected] ހިމެނެއެވެ.
  17. ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 77 ވަނަ މާއްދާ.
  18. "Ignorantia juris non excusat" / Ignorance of the law is no excuse.
  19. "Ignorantia facti non excusat" / Ignorance of a fact does not excuse.
  20. ޙުކުމުގައިވާ ގޮތުން ފައިސާ ދައްކަންޖެހެނީ ޙުކުމް ކުރި ދުވަހުން ފެށިގެން ފެށިގެން 06 (ހައެއް) މަސްދުވަހުގެ ތެރޭގައި ކަމުގައި މުޙައްމަދު ސިނާންގެ ފަރާތުން ތަކުރާރުކޮށް ބުނެފައިވާއިރު، ޙުކުމުގައި [06 (ހައެއް) މަސްދުވަހުގެ ތެރޭގައި] ކޮންމެ މަހަކުވެސް އެމަހަކަށްޖެހޭ ޢަދަދަށްވުރެ މަދުނޫން ޢަދަދެއް އެމް.އައި.ބީ އަށް ދައްކަމުންގޮސް ފައިސާ ދައްކާ ޚަލާޞްކުރުމަށް އަންގާފައި އޮތް ސަބަބެއް މުޙައްމަދު ސިނާންގެ ފަރާތުން ބަޔާން ނުކުރެއެވެ.
  21. މި ރައުޔުގެ 30 ވަނަ ޕެރެގްރާފް.
  22. ތަންފީޒީ މައްސަލަ ހިތަދޫ ކޯޓަށް ހުށަހަޅާފައިވަނިކޮށް، އެ ކޯޓުގެ ނަންބަރު 2024-S2C-CIV-243 ޤަޟިއްޔާގެ ޙުކުމާ އެއްގޮތަށް ދައްކަންޖެހި ނުދައްކާވާ ފައިސާ 13 ފެބުރުވަރީ 2025 ގައި ދައްކާފައިވާކަމަށް އެމް.އައި.ބީގެ ފަރާތުން ބުނެފައިވާތީ، އެ ޤަޟިއްޔާ އިތުރަށް ކުރިއަށް ގެންދާނެ ތަނެއް ނެތްކަމުގައި ކަނޑައަޅައި އެ ކޯޓުން ޙުކުމްކޮށްފައިވަނީ 13 ފެބުރުވަރީ 2025 ގެ ނިޔަލަށް އެހާތަނަށް (މަހުން މަހަށް) ދައްކަންޖެހޭ ފައިސާ ދައްކާފައިވާތީއެވެ. އެމް.އައި.ބީގެ ފަރާތުން ހުށަހަޅާފައިވާ އެކައުންޓް ސްޓޭޓްމަންޓަށް ބެލުމުން، މިކަން ސާފެވެ. ޙުކުމުގެ ދަށުން ދައްކަންޖެހޭ ހުރިހާ ފައިސާއެއް 13 ފެބުރުވަރީ 2025 ގެ ނިޔަލަށް ދައްކާފައިނުވެއެވެ. ހިތަދޫ ކޯޓުގެ ޙުކުމުގައިވާ ފަދައިން އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ހުރިހާ ފައިސާއެއް ދައްކާ، ލޯނު އެކައުންޓް ބަންދުކޮށްފައިވަނީ މުޙައްމަދު ސިނާންގެ ފަރާތުންވެސް ފާހަގަކޮށްފައިވާ ފަދައިން 15 އޭޕްރީލް 2025 ގައެވެ.
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ