ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2024] SC 16 · 2024/SC-E/03ސުޕްރީމް ކޯޓު · 28 މާރިޗު 2024

އިލްޔާސް އަޙްމަދު ވ. ޙަސަން ޝިޔާމް އަދި އިލެކްޝަންސް ކޮމިޝަން

ސުޕްރީމް ކޯޓު
1 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 28 މާރިޗު 2024ބާވަތް: އިންތިޚާބީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު [2024] SC 16 2024/SC-E/03 ޝަރީޢަތް ނިމުނުގޮތް އިލްޔާސް އަޙްމަދު ވ. ޙަސަން ޝިޔާމް އަދި އިލެކްޝަންސް ކޮމިޝަން ފަނޑިޔާރުންގެ މަޖިލިސް ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ފަނޑިޔާރު ޙުސްނުއް ސުޢޫދު ނިމުނު ތާރީޚު 28 މާރިޗު 2024

އިސްތިއުނާފު ރައްދުވާ ފަރާތް އިސްތިއުނާފުކުރާ ފަރާތް 1. ޙަސަން ޝިޔާމް، ހ. ވާލީވިލާ، މާލެ އިލްޔާސް އަޙްމަދު، ހ. ކްއީން، މާލެ ޤާނޫނީ ވަކީލު: ޞަފާ ޝަރީފް، އެލައިން ކޮންސަލްޓަންސީ އެލް.އެލް.ޕީ ޤާނޫނީ ވަކީލު: އިބްރާހީމް ޝަމީލް، ޝަމީލް އެންޑް ކޯ އެލް.އެލް.ޕީ 2. އިލެކްޝަންސް ކޮމިޝަން ޤާނޫނީ ވަކީލު: މަޙްފޫޡް ސަޢީދު، ލެކްސަވީ ޗެމްބަރސް އެލް.އެލް.ޕީ

އިންތިޚާބީ – ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު – ސުޕްރީމް ކޯޓުގެ އިޚްތިސާސް –އިންތިޚާބަށް ކުރިމަތިލުމުގެ ޝަރުޠު – ސާބިތު ދަރަނީގެ ޝަރުޠު – މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 161 ވަނަ މާއްދާ – ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރު – ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނުގެ 8 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރު – ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ގަވާއިދުގެ 17 ވަނަ މާއްދާގެ (ނ) 1 ގެ ވަނަ ނަންބަރު

ފިހުރިސްތު

ތަޢާރަފް 1

ޝަރުޠާގުޅޭ ދަޢުވާގެ ޚުލާސާ 2

ޙަސަން ޝިޔާމްގެ ޖަވާބުގެ ޚުލާސާ 5

އިލެކްޝަން ކޮމިޝަނުގެ ޖަވާބުގެ ޚުލާސާ 6

ސާބިތު ދަރަނީގެ ޝަރުޠު 7

ޙަސަން ޝިޔާމްގެ ކިބައިގައި ސާބިތު ދަރަނީގެ ޝަރުޠު ފުރިހަމަވޭތޯ 10

މައްސަލަ ނިންމަން ފެންނަގޮތް 11

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު 11

ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު 12

ޙުކުމް 18

` އިލްޔާސް އަޙްމަދު ވ. ޙަސަން ޝިޔާމް އަދި އިލެކްޝަންސް ކޮމިޝަން [2024] SC 16 ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު ޙުސްނުއްސުޢޫދު ތާއީދު ކުރައްވާފައި)

ތަޢާރަފް

1. މި މައްސަލައަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގެ މާލެ ސިޓީގެ އިންތިޚާބީ ދާއިރާތަކަށް ވާދަކުރުމަށް އިޢުލާނުކޮށްފައިވާ ކެންޑިޑޭޓުންގެ ތެރެއިން، މެދުހެންވޭރު ދާއިރާ (T02) އަށް ވާދަކުރާ ކެންޑިޑޭޓް ނަންބަރު 2 ކަމުގައިވާ ހ. ވާލީވިލާ، ޙަސަން ޝިޔާމްގެ ކެންޑިޑޭޓުކަން އިލެކްޝަންސް ކޮމިޝަނުން ބަލައިގަނެފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ޤާނޫނާ ޚިލާފަށް ކަމުގައިވާތީ، އޭނާގެ ކެންޑިޑޭޓުކަން އިލެކްޝަންސް ކޮމިޝަން އިން ބަލައިގަތް ބަލައިގަތުން ބާޠިލުކުރުމަށް އެދި، ޙަސަން ޝިޔާމް1 އާއި އިލެކްޝަންސް ކޮމިޝަން އަށް ރައްދުވާ ގޮތަށް،

ހ. ކްއީން، އިލްޔާސް އަޙްމަދުގެ2 ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެކެވެ.

2. މި މައްސަލަ ހުށަހަޅާ އިލްޔާސް އަޙްމަދު އަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގެ މެދުހެންވޭރު ދާއިރާ (T02) އަށް ވޯޓުލުމުގެ ހައްޤު ލިބިފައިވާ ފަރާތެކެވެ. އަދި މި މައްސަލަ ހުށަހެޅި ސަބަބު ބަޔާންކުރަމުން އިލްޔާސް އަޙްމަދު ބުނެފައިވަނީ އޭނާ މި މައްސަލަ ހުށަހެޅީ އޭނާ ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ ދާއިރާއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ޙަސަން ޝިޔާމްގެ ކެންޑިޑޭޓުކަން އިލެކްޝަންސް ކޮމިޝަނުން ބަލައިގަނެފައިވާ ގޮތާމެދު ސުވާލު އުފެދޭތީވެ އެ ސުވާލުގެ ޖަވާބު ހޯދުމަށް ކަމަށެވެ.

3. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 74 ވަނަ މާއްދާ އާއި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 10 ވަނަ މާއްދާގެ (ހ) އިން ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމުގެ ޝަރުޠު މީހެއްގައި ހަމަވޭތޯ ނުވަތަ މެންބަރަކު މަޤާމުން ވަކިކުރާންޖެހިއްޖެތޯ ބެލުމުގައި ނުވަތަ މެންބަރުކަމުގެ ގޮނޑިއެއް ހުސްވެއްޖެކަމާމެދު ޚިލާފެއް އުފެދިއްޖެނަމަ، އެ މައްސަލައެއް ބަލައި ގޮތެއް ކަނޑައެޅުމުގެ އިޚްތިޞާޞް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިފައިވާތީވެ، މިފަދަ މައްސަލަތައް ކޮންމެ ފަރާތަކަށްވެސް ހުށަހެޅިދާނެ ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މުޙައްމަދު ޙަލީމް އަދި އަސްޢަދު ޝަރީފް ވ. ޔަޢުޤޫބް ޢަބްދުﷲ ޤަޟިއްޔާ3 އިން ކަނޑައަޅާފައި ވެއެވެ.

ޝަރުޠާގުޅޭ ދަޢުވާގެ ޚުލާސާ

4. މި މައްސަލަ ހުށަހަޅަމުން އިލްޔާސް އަޙްމަދު ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި މާލޭ މެދުހެންވޭރު ދާއިރާ (T02) ގެ ގޮނޑިއަށް ވާދަކުރާ ޙަސަން ޝިޔާމްގެ މައްޗަށް ސިވިލް ކޯޓުގެ ނަންބަރު 1542/Cv-C/2012 ޤަޟިއްޔާއިން ސާބިތުވެފައިވާ ދަރަންޏެއް އެބައޮތް ކަމަށާއި، އޭނާ އަކީ އެ ޙުކުމާ އެއްގޮތަށް ދަރަނި އަދާކުރަމުންގެންދާ ފަރާތެއް ނޫން ކަމަށް ވާތީ، އޭނާ އަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނުގެ4 8 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ގަވާއިދު 20245 ގެ 17 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާ މެންބަރެއްގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުޠު ފުރިހަމަވާ މީހެއް ނޫންކަމަށެވެ.

5. ސިވިލް ކޯޓުގެ ނަންބަރު 1542/Cv-C/2012 ޤަޟިއްޔާ ("ދަރަނި ސާބިތުވި ޤަޟިއްޔާ") އަކީ ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ފަރާތުން ކްރިސްޓަލް ލެގޫން ރިސޯޓްސް ޕްރައިވެޓް ލިމިޓެޑަށް

16 ފެބުރުވަރީ 2006 ގައި ދޫކޮށްފައިވާ ލޯނަކާ ގުޅޭ މައްސަލައެކެވެ. އެ ލޯނު ފެސިލިޓީގައި ގެރެންޓަރެއްގެ ހައިސިއްޔަތުން ޖާމިނުވެފައިވާ ފަރާތްތަކުގެ ތެރޭގައި ޙަސަން ޝިޔާމް ހިމެނެއެވެ. ސިވިލް ކޯޓުގެ ދަރަނި ސާބިތުވި ޤަޟިއްޔާގައި ކަނޑައަޅައި ލައްވާފައިވާ ދަރަނި ފައިސާ

29 އޮކްޓޫބަރު 2015 ވަނަ ދުވަހުން ފެށިގެން 08 (އަށެއް) މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ކްރިސްޓަލް ލެގޫން ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑް އަށާއި ޙަސަން ޝިޔާމް ހިމެނޭހެން އިތުރު ފަރާތްތަކަށް ޙުކުމް ކޮށްފައިވެއެވެ. ދަރަނި ސާބިތުވި ޤަޟިއްޔާއިން ސާބިތުވެފައިވާ ދަރަންޏަކީ ދަރަނި ނެގި ފަރާތާއި ގެރެންޓަރުން އެކު އެކީގައްޔާއި ވަކިވަކީން6 ޒިންމާވާންޖެހޭ ދަރަންޏެކެވެ.

6. ސިވިލް ކޯޓުގެ ދަރަނި ސާބިތުވި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުގެ ނަންބަރު 2016/HC-A/59 ޤަޟިއްޔާގައި ކަނޑައަޅާފައިވަނީ ސިވިލް ކޯޓުގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތް ކަމަށެވެ. މިއީ ނިހާއީ ޙުކުމެކެވެ.

7. ސިވިލް ކޯޓުގެ ޙުކުމާ އެއްގޮތަށް ސާބިތުވި ދަރަނި، ދެއްކުމަށް ދަރަނި ނެގި ފަރާތަށާއި ގެރެންޓީ ދިން ފަރާތްތަކަށް ސިވިލް ކޯޓުން ދިން 80 (އަށެއް) މަސް ދުވަހުގެ ތެރޭގައި ފައިސާ ދައްކާފައި ނެތުމުން ޙުކުމް ތަންފީޒުކުރުމުގެ މައްސަލަ ސިވިލް ކޯޓުގެ ނަންބަރު 4358/Cv-C/2022 ޤަޟިއްޔާއިން ("ތަންފީޒީ ޤަޟިއްޔާ") ކުރިއަށް ދާކަން މި މައްސަލައިގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގައި ޙަސަން ޝިޔާމްގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެއެވެ.

8. މި ތަންފީޒީ ޤަޟިއްޔާގެ ތެރެއިން 26 ޑިސެންބަރު 2023 ގައި ޙަސަން ޝިޔާމް އަމުރަކަށް އެދުނެވެ. އެއީ، ރަހުނު ވިއްކާލުމަށްފަހު، ކޯޓުން ގެރެންޓަރުން ދައްކަންޖެހޭ ފައިސާ ކަނޑައެޅުމާ ހަމައަށް ގެރެންޓީ ދިން ފަރާތެއްގެ ހައިސިއްޔަތުން ޙަސަން ޝިޔާމް ތަންފީޒުކުރަންޖެހޭ ސާބިތު ދަރަންޏެއް ނެތް ކަމަށް ކަނޑައަޅައި ދިނުމަށެވެ. ނަމަވެސް ސިވިލް ކޯޓުން އެފަދަ އަމުރެއް ނެރެދޭނެ ތަނެއް ނެތް ކަމަށް ކަނޑައަޅައިފައި ވެއެވެ.7

9. ޙަސަން ޝިޔާމްގެ ފަރާތުން ސިވިލް ކޯޓުގެ އަމުރު ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. އެ މައްސަލަ ބަލާފައި ވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-A/16 ޤަޟިއްޔާ އިންނެވެ. މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ ޙަސަން ޝިޔާމް އެދިފައިވާ ފަދަ އަމުރެއް ނެރެދޭނެ ތަނެއް ނެތް ކަމަށް ނިންމައި ސިވިލް ކޯޓުގެ ޙުކުމަށް ތާއީދުކޮށެވެ.

10. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-A/16 ޤަޟިއްޔާއިން ސިވިލް ކޯޓުގެ ނިންމުމަށް ތާއީދުކުރިނަމަވެސް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-A/16 ޤަޟިއްޔާގެ އަޣުލަބިއްޔަތު ރައުޔުގެ 39 ވަނަ ޕެރެގްރާފުގައި، މިހާރު ސުޕްރީމް ކޯޓަށް އިލްޔާސް އަޙްމަދު ހުށަހަޅާފައިވާ މައްސަލައާ ގުޅުންހުރި ނުކުތާއެއް ފާހަގަކޮށްފައި ވެއެވެ. އެގޮތުން އެ ޤަޟިއްޔާގެ އަޣުލަބިއްޔަތު ރައުޔުގެ 39 ވަނަ ޕެރެގްރާފުގައި ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 1618 ވަނަ މާއްދާ އާ ހަވާލާދީ ދިވެހިރާއްޖޭގެ ހައިކޯޓުން ބަޔާންކޮށްފައިވަނީ ދަރަނި ސާބިތުވި މައްސަލައިގައި ވިއްކުމުގެ ހުއްދަ ދީފައިވާ އެންމެހައި ރަހުނު ވިއްކައި ދަރަނި އެކުގައި ޚަލާޞް ނުވިނަމަ މެނުވީ، މި މައްސަލަ ރައްދުވާ ޙަސަން ޝިޔާމްގެ މައްޗަށް ޙުކުމް ތަންފީޒުކުރުމަކީ ކުރެވޭނެ ކަމެއް ކަމުގައި ނުވާތީ ރަހުނު ވިއްކުމުގެ މަރުހަލާ ނިމި، ދަރަނި އެކީ އަދާނުވާ ހާލަތެއް މެދުވެރިވެއްޖައުމަށް ދާންދެން، މައްސަލަ ރައްދުވާ ޙަސަން ޝިޔާމް އަކީ ސިވިލް ކޯޓުގެ ޤަޟިއްޔާގެ ޙުކުމާ އެއްގޮތަށް ދަރަނި އަދާނުކުރާ މީހެއްގެ ގޮތުގައި އެއްވެސް ފަރާތުން ދެކިގެން ނުވާނެ ކަމަށެވެ.9

11. ކުރިމަތީގައި މި އޮތް މައްސަލައިގައި އިލެކްޝަންސް ކޮމިޝަންގެ ނިންމުން ބިނާކޮށްފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-A/16 ޤަޟިއްޔާއިން ނިންމާފައިވާ އެ ނިންމުމުގެ މައްޗަށެވެ.

12. މި މައްސަލަ ހުށަހެޅުމަށްފަހު، އިލްޔާސް އަޙްމަދުގެ ފަރާތުން އެދިފައިވަނީ ހ. ވާލީވިލާ، ޙަސަން ޝިޔާމް އަކީ އެ ފަރާތުގެ މައްޗަށް ސާބިތު ދަރަންޏެއް އޮތްކަމަށް ޙުކުމް ކޮށްފައިވާ ފަރާތަކަށްވެފައި، އެ ޙުކުމާ އެއްގޮތަށް ދަރަނި އަދާކުރަމުންދާ ފަރާތަކަށް ނުވާތީ، އެ ފަރާތަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނުގެ 8 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ގަވާއިދުގެ 17 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގައި ބުނާ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާ މެންބަރެއްގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުޠު ފުރިހަމަވާ ފަރާތެއް ނޫންކަމުގައި ކަނޑައަޅައި އެ ފަރާތުގެ ކެންޑިޑޭޓުކަން ބަލައިގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ނިންމުން ބާޠިލުކޮށް ދިނުމަށެވެ.

ޙަސަން ޝިޔާމްގެ ޖަވާބުގެ ޚުލާސާ

13. މި މައްސަލައިގެ ޖަވާބުގައި ޙަސަން ޝިޔާމް ބުނެފައިވަނީ މި މައްސަލައިގެ ތެރޭގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-A/16 ޤަޟިއްޔާގައި ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 161 ވަނަ މާއްދާ މާނަކޮށްފައިވާ ގޮތާމެދު ސުވާލު އުފެދޭނަމަ، އެކަމާ ގުޅޭގޮތުން ގޮތެއް ކަނޑައަޅަންޖެހޭނީ އެ މައްސަލަ އިސްތިއުނާފު ކުރެވޭ ހިނދަކު ކަމުގައި ދެކޭކަމަށެވެ.

14. އަދި ޙަސަން ޝިޔާމް ދަރަނީގެ ފައިސާއަށް ޒިންމާވާންޖެހޭ މިންވަރު ކަނޑައެޅިގެންދާނީ ރަހުނު ވިއްކާލުމަށްފަހު، އެއިން ދަރަނި އަދާނުކުރެވި އޮންނަ ހާލަތެއް އަތުވެއްޖެނަމަ، ދަރަނިން ބާކީ ނުދެއްކި އޮންނަ އަދަދުގެ ތެރެއިން އެއް ގެރެންޓަރުގެ ހައިސިއްޔަތުން ދައްކަންޖެހޭ ސާފު އަދަދެއް އެނގި ކަށަވަރުވެގެން ދިއުމަށްފަހުގައި ކަމަށާއި، އެ ޙާލަތު އައުމަށް ދާންދެން ޙަސަން ޝިޔާމަކީ ޤާނޫނު ބުނާ އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް ނަމަވެސް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގައި ބުނެފައިވާ ފަދައިން އެ ސާބިތު ދަރަނި އަދާކުރަމުން ނުގެންދާ މީހަކު ކަމަށް ނުބެލެވޭނެ ކަމަށެވެ.

15. ޙަސަން ޝިޔާމްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އެދިފައިވަނީ، ޙަސަން ޝިޔާމްއަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގައިވާ ގޮތަށް ސާބިތު ދަރަންޏެއް އެ ޙުކުމުގައިވާ ގޮތުގެމަތިން ދައްކަމުން ނުގެންދާ މީހަކު ކަމަށް ނުވާކަމަށް ކަނޑައަޅައިދީ، އިލެކްޝަންސް ކޮމިޝަނުން ޙަސަން ޝިޔާމްގެ ކެންޑިޑޭޓުކަން ގަބޫލުކޮށްފައިވާ އޮތް އޮތުން ސައްޙަކަމަށް ކަނޑައަޅައި ދިނުމަށެވެ.

އިލެކްޝަން ކޮމިޝަނުގެ ޖަވާބުގެ ޚުލާސާ

16. ޙަސަން ޝިޔާމްގެ ކެންޑިޑޭޓުކަން ގަބޫލުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ނިންމުން ދިފާއުކުރަމުން އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ އިލެކްޝަންސް ކޮމިޝަނުން ޙަސަން ޝިޔާމްގެ ކެންޑިޑޭޓުކަން ގަބޫލުކޮށްފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-A/16 ޤަޟިއްޔާގެ އަޣުލަބިއްޔަތު ރައުޔުގެ 39 ވަނަ ޕެރެގްރާފަށް ބަރޯސާވެގެން ކަމަށާއި، އެ ޤަޟިއްޔާގައި ޙަސަން ޝިޔާމަކީ ސާބިތު ދަރަންޏެއް އޮތްމީހަކު ކަމުގައިވިޔަސް، ޙުކުމާ އެއްގޮތަށް ދަރަނި އަދާކުރަމުންނުދާ މީހެއް ކަމުގައި ބަލައިގެން ނުވާނެ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-A/16 ޤަޟިއްޔާގެ އަޣުލަބިއްޔަތު ރައުޔުގެ 39 ވަނަ ޕެރެގްރާފުގައި ބުނެފައިވާތީވެ، އޭނާއަކީ ސާބިތު ދަރަންޏެއް އޮވެ، ޙުކުމާ އެއްގޮތަށް ދަރަނި އަދާކުރަމުން ނުދާ މީހެއް ކަމަށް ބެލުމުގެ އިޚްތިޔާރު އިލެކްޝަންސް ކޮމިޝަނަށް ލިބިގެން ނުވާކަމަށެވެ.

17. އަދި އިލެކްޝަންސް ކޮމިޝަނުން ޙަސަން ޝިޔާމްގެ ކެންޑިޑޭޓުކަން ބަލައިގަތުމާ ގުޅޭގޮތުން ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭ ފަދަ ސަބަބެއް ނެތްކަމަށް ކަނޑައަޅައި ދިނުމަށް އިލެކްޝަންސް ކޮމިޝަނުން ސުޕްރީމް ކޯޓުގައި އެދިފައި ވެއެވެ.

ސާބިތު ދަރަނީގެ ޝަރުޠު

18. ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް އިންތިޚާބުކުރެވޭ މީހެއްގައި ހުންނަންޖެހޭނެ ޝަރުޠުތައް ބަޔާންކޮށްފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގައެވެ. މި މައްސަލައިގެ މައުޟޫއުގައި ހިމެނޭ ޝަރުޠަކީ އެ މާއްދާގައި ބުނާ ޝަރުޠުތަކުގެ ތެރެއިން ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ޙުކުމާ އެއްގޮތަށް އެ ސާބިތު ދަރަނި އަދާކުރަމުން ނުދާ މީހަކު ކަމަށް ނުވުމުގެ ޝަރުޠެވެ. މި ބަޔާންކުރި ޝަރުޠު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނުގެ 8 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ގަވާއިދުގެ 17 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައި ވެއެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލާ މީހަކީ ވެސް ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ޙުކުމާ އެއްގޮތަށް އެ ސާބިތު ދަރަނި އަދާކުރަމުން ނުދާ މީހަކު ކަމަށް ވެގެން ނުވާނެ ކަމަށް މި ބަޔާންކުރި ޤާނޫނު ތަކުގައި ބަޔާންކޮށްފައި ވެއެވެ.

19. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގައި، އެ އަކުރުގެ ދަށުން ހިމަނާފައިވާ ހާލަތުން ހާލަތެއްގައިވާ މީހަކަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ބައިވެރި ނުވެވޭނެ ކަމާއި އަދި ރައްޔިތުންގެ މަޖިލީހަށް ހޮވިފައިވާ މެންބަރަކު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމަށް ބަޔާންކުރުމަށްފަހު، އެ އަކުރުގެ 1 ވަނަ ނަންބަރުގައި ބުނެފައިވަނީ "އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ މީހަކު ކަމުގައިވުން" މި ފަދައިންނެވެ. އެހެންކަމުން، ޙުކުމާ އެއްގޮތަށް ސާބިތު ދަރަންޏެއް ނުދައްކާ މީހަކަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ބައިވެރިނުވެވޭނެކަން އެނގެއެވެ.

20. މަތީގައި ބަޔާންކުރެވިފައިވާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) 1 ގެ ވަނަ ނަންބަރުގެ ނައްސަށް ބަލައި އިންތިޚާބަކަށް ގޮވާލެވިފައި އޮންނަ ހިނދު، ސާބިތު ދަރަންޏާ ގުޅޭ ޝަރުޠު ފުރިހަމަވޭތޯ ބެލުމުގައި ދެ ކަމަކަށް ރިޢާޔަތް ކުރަންޖެހޭކަން އެނގެއެވެ. އެއީ:

(ހ) ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ބައިވެރިވާ ފަރާތެއްގެ މައްޗަށް ސާބިތު ދަރަންޏެއް އޮތް ތޯ؛ އަދި

(ށ) އެފަދަ ދަރަންޏެއް އޮތްނަމަ ޙުކުމާ އެއްގޮތަށް ދަރަނި އަދާކުރަމުންދާ ފަރާތެއްތޯ ބެލުމެވެ.

21. ސާބިތު ދަރަންޏަކީ ކޮބައިތޯއެވެ. ސާބިތު ދަރަންޏަކީ ކޯޓުގެ ޙުކުމެއްގެ ދަށުން އެއް ފަރާތުން އަނެއް ފަރާތަށް ދެއްކުން ލާޒިމްވާ ފައިސާއެވެ.10 މިގޮތުން ސާބިތުވެފައިވާ ދަރަނީގެ ތެރޭގައި ރަހުނު ހިމެނޭ ސާބިތު ދަރަންޏާއި ރަހުނު ނުހިމެނޭ ސާބިތު ދަރަނި ހުރެއެވެ.

22. ދަރަނީގެ މުޢާމަލާތެއްގައި ރަހުނެއް ހިމެނިފައިވޭތޯ ނުވަތަ ރަހުނެއް ނުހިމެނޭތޯ ބެލުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި ތަފާތެއް އޮތްކަމެއް ކަމަށް ނުދެކެމެވެ. މިކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައިވާ މުޙައްމަދު ޙަލީމް ވ. ޢަލީ ޢާޒިމް އަދި މުޙައްމު ނާޝިޒް11 މި ޤަޟިއްޔާއިން އެނގެއެވެ. މިގޮތުން އެ ޤަޟިއްޔާގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގައި ބުނާ "ސާބިތު ދަރަނި" މި ލަފުޒުގެ މާނައިގައި އެ ދަރަންޏެއް ދެއްކުން ގެރެންޓީއެއްގެ ގޮތުން ރަހުނެއް ނުވަތަ އެ ނޫންވެސް އެފަދަ ސެކިއުރިޓީ ބެހެއްޓިފައި ހުންނަ ހުރުމަކީ އެ ދަރަނި ނުދައްކައި އޮންނަ ޙާލަތުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގެ ސަރީޙަ ނައްސު އެ ނޫން ގޮތަކަށް ތަފްސީރުކޮށް އިސްތިސްނާއެއް ދެވިދާނެ ސަބަބެއް އޮތް ކަމަށް ބެލެންޖެހޭ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަމަށް ބަޔާންކޮށްފައި ވެއެވެ.

23. މީގެ އިތުރުން، މި މައްސަލައިގައި ދިފާޢެއްގެ ގޮތުގައި އެ މައްޗަށް ބަހުސްކުރެވުނު ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 161 ވަނަ މާއްދާ އަކީ ޙުކުމާ އެއްގޮތަށް ސާބިތު ދަރަނީގެ ފައިސާ ނުދައްކާ ޙާލަތުގައި ދަރަނި ތަންފީޒުކުރުމުގެ އިޖުރާއަތާގުޅޭ މާއްދާއެއް ކަމުގައިވެފައި، ޙުކުމް ތަންފީޒުކުރުމުގެ މަރުޙަލާ ކޯޓުން ކުރިއަށް ގެންދާނީ ސާބިތު ދަރަންޏެއް ޙުކުމުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ދަރަނިވެރިޔާގެ އަމިއްލަ އިޚްތިޔާރުގައި ފުރިހަމައަށް ޙުކުމް ތަންފީޒުކޮށްފައި ނުވާ ހާލަތުގައި ކަން މަދަނީ އިޖުރާއަތުގެ ޤާނޫނުގެ12 367 ވަނަ މާއްދާގެ (ހ) ގެ ނައްސުން ސާފުކޮށް އެނގެން އޮތުމުން، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ބައިވެރިވާ ފަރާތެއް އެ މާއްދާގައި ބުނާ ހާލަތުގައި (ޙުކުމް ތަންފީޒުކުރުމުގެ މަރުޙަލާގައި) ހުރިކަމުގައި ވާނަމަ، އެކަމުގެ ސަބަބުން ދަލީލުކޮށްދެނީ އެ ފަރާތަކީ އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮވެ ޙުކުމާ އެއްގޮތަށް ދަރަނި ދައްކާފައިނުވާ ފަރާތެއް ކަމެވެ.

24. އެހެންކަމުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތުގައި މީހަކު ހުރިކަން ނުވަތަ ނެތްކަން ކަނޑައެޅުމުގެ ބޭނުމުގައި، ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 161 ވަނަ މާއްދާއަށް ބަރޯސާވެ، ޙަސަން ޝިޔާމް އާއި އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ހުށަހަޅާފައިވާ ކަންކަމަށް ރިޢާޔަތްކުރެވޭނެ ޤާނޫނީ ބިނާއެއް އޮތްކަމުގައި ނުދެކެމެވެ.

ޙަސަން ޝިޔާމްގެ ކިބައިގައި ސާބިތު ދަރަނީގެ ޝަރުޠު ފުރިހަމަވޭތޯ

25. ޙަސަން ޝިޔާމަކީ ޙުކުމާ އެއްގޮތަށް ފައިސާ ދައްކަމުން ނުދާ ފަރާތެއްކަން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ދޫކޮށްފައިވާ ސާބިތު ދަރަނީގެ ރިކޯޑުންނާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ޙަސަން ޝިޔާމްގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެއެވެ.

26. އިލެކްޝަންސް ކޮމިޝަނުން ޙަސަން ޝިޔާމްގެ ކެންޑިޑޭޓުކަން ބަލައިގަނެފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2024/HC-A/16 ޤަޟިއްޔާއަށް ޙަވާލާދީ، ޙަސަން ޝިޔާމަކީ ޙުކުމާ އެއްގޮތަށް ދަރަނި އަދާކުރަމުން ނުދާ މީހެއްކަމަށް ނުބެލުމަށް އެ ޤަޟިއްޔާގައި ނިންމާފައި އޮތްކަމަށް ދެކިގެން ކަމުގައި އެ ކޮމިޝަނުން ބުނާ ހިނދު، ހަމަ އެ ޤަޟިއްޔާއަށް ބެލުމުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގެ ބޭނުމަށް ކަށަވަރު ކުރަންޖެހޭ ސާބިތު ދަރަންޏެއް ޙަސަން ޝިޔާމްގެ މައްޗަށް އޮތްކަމާއި، ޙުކުމާ އެއްގޮތަށް އޭނާ ސާބިތު ދަރަނި އަދާކުރަމުން ނުދާކަން ސާފުވެއެވެ. އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ އެ ޤަޟިއްޔާގެ ޙުކުމުން ޙަސަން ޝިޔާމްގެ މައްޗަށް ސިވިލް ކޯޓުގެ ނަންބަރު 1542/Cv-C/2012 ޤަޟިއްޔާއިން ސާބިތުވެފައިވާ ދަރަނިން އޭނާ ބަރީއަވެފައިވާ ކަމެއް ނުވަތަ އަރަނިވެރިޔާ އެ ދަރަންޏަށް މަޢާފުކޮށްދީފައިވާކަން އެނގެން ނެތެވެ. ވީމާ، އިލެކްޝަންސް ކޮމިޝަނުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-A/16 ޤަޟިއްޔާގެ އަޣުލަބިއްޔަތު ރައުޔުގެ 39 ވަނަ ޕެރެގްރާފަށް އެކަނި ބަރޯސާވެ ނިންމާފައިވާ ނިންމުން ރަނގަޅުކަމަށް ބުނެވިދާނެ ކަމަކަށް ނުދެކެމެވެ. ކުރިމަތީގައި މި އޮތް މައްސަލައިގައި މި ނަތީޖާއަށް ވާސިލުވުމަކުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-A/16 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އޮތް ޙައްޤަށް ހިޔަނި އެޅޭކަމުގައިވެސް ނުދެކެމެވެ.

27. ބަޔާންވެދިޔަ ހަމަތަކުގެ އަލީގައި، ޙަސަން ޝިޔާމަކީ އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮވެ، ޙުކުމާ އެއްގޮތަށް ދަރަނި އަދާނުކުރާ މީހެއްކަން އެނގޭތީވެ، އޭނާގެ ކިބައިގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގައި ބުނާ ޝަރުޠު ފުރިހަމަވާ ކަމުގައި ބެލެވެން ނެތެވެ.

މައްސަލަ ނިންމަން ފެންނަގޮތް

28. އިސްވެ ބުނެވުނު ކަންކަމަށް ނަޒަރުކޮށް، ޙަސަން ޝިޔާމް އަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނުގެ 8 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ގަވާއިދު 2024 ގެ 17 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގައި ބުނާ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާ މީހެއްގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުޠު ފުރިހަމަވާ ފަރާތެއް ނޫންކަމުގައި ކަނޑައަޅަން އަހުރެންނަށް ފެނެއެވެ.

29. އަދި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި އިލެކްޝަންސް ކޮމިޝަނުން ވާދަކުރުމަށް ޙަސަން ޝިޔާމަށް ހުއްދަދީ، އޭނާގެ ކެންޑިޑޭޓުކަން ބަލައިގަތުމަށް ނިންމާފައިވާ ނިންމުން ބާޠިލުކުރަން އަހުރެންނަށް ފެނެއެވެ.

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު

30. މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު

31. މި މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަން ޖެހޭ ނުކުތާއަކީ، ޙަސަން ޝިޔާމަކީ ސިވިލް ކޯޓުގެ ނަންބަރު 1542/Cv-C/2012 ޤަޟިއްޔާއިން އޭނާގެ މައްޗަށް ސާބިތުކޮށްފައިވާ ދަރަނި، ޙުކުމާ އެއްގޮތަށް އަދާކުރަމުންނުދާ މީހެއްކަމުގައި ވޭތޯ ނުވަތަ ނުވޭތޯއެވެ.

32. ސިވިލް ކޯޓުގެ ނަންބަރު 1542/Cv-C/2012 ޤަޟިއްޔާއިން ޙަސަން ޝިޔާމްގެ މައްޗަށް ދަރަންޏެއް ސާބިތުކުރެވިފައިވާ ކަމާމެދު އެއްވެސް ފަރާތަކުން އިންކާރެއް ނުކުރެއެވެ. ޙަސަން ޝިޔާމްގެ ފަރާތުން އިންކާރުކުރަނީ އޭނާއަކީ ސިވިލް ކޯޓުގެ ނަންބަރު 1542/Cv-C/2012 ޤަޟިއްޔާއިން އޭނާގެ މައްޗަށް ސާބިތުވެފައިވާ ދަރަނި އަދާ ނުކުރާ މީހެއް ކަމަށް ކަނޑައެޅޭނޭ ޙާލަތެއް ވުޖޫދުވެފައި ނެތް ކަމަށެވެ.

33. ސިވިލް ކޯޓުގެ ނަންބަރު 1542/Cv-C/2012 ޤަޟިއްޔާއިން ޙަސަން ޝިޔާމްގެ މައްޗަށް ސާބިތުވެފައިވާ ދަރަނި އަދާ ނުކުރާ މީހެއް ކަމަށް ކަނޑައެޅޭނޭ ޙާލަތެއް ވުޖޫދުވެފައި ނެތް ކަމަށް ބުނާބުނުމުގެ ގާނޫނީ ޙުއްޖަތެއްގެ ގޮތުގައި ޙަސަން ޝިޔާމްގެ ފަރާތުން ބޭނުންކޮށްފައިވަނީ މައިގަނޑު ގޮތެއްގައި ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 161 ވަނަ މާއްދާއެވެ. އެ މާއްދާގައި ބުނެފައިވަނީ "ރަހުނު ބެހެއްޓި ފަރާތާއި ރަހުނު ހިފި ފަރާތާއި ގެރެންޓަރުގެ މެދުގައި އެހެން ގޮތަކަށް އެއްބަސްވެފައި ނުވާނަމަ، ރަހުނު ހިމެނޭ ފައިސާގެ ޙުކުމް ތަންފީޛުކުރުމުގެ މައްސަލަތަކުގައި އެ ދަރަންޏަކާ ގުޅިގެން ޕަރސަނަލް ގެރެންޓީ ދީފައިވާ ގެރެންޓަރެއް ނުވަތަ ގެރެންޓަރުންތަކެއް ތިބިނަމަ، ގެރެންޓަރުންގެ މައްޗަށް ޙުކުމް ތަންފީޛުކުރާނީ، ރަހުނު ކުރެވިފައިވާ މުދާ ވިއްކައިގެން ދަރަނި އެކުގައި ޚަލާޞް ނުވިނަމައެވެ. އެ ހާލަތުގައި އެ ދަރަންޏަކީ ރަހުނު ނުހިމެނޭ ސާބިތު ދަރަންޏަކަށް ބަދަލުވެގެންދާނެއެވެ." މިގޮތަށެވެ. އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-A/16 ގަޒިއްޔާގެ އަޣުލަބިއްޔަތު ރައުޔުގެ 39 ވަނަ ޕެރެގްރާފުގައި އެ ކޯޓުން ފާޅުކޮށްފައިވާ ރައުޔުވެސް ބިނާކޮށްފައިވަނީ ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 161 ވަނަ މާއްދާއަށެވެ.

34. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-A/16 ގަޒިއްޔާގެ އަޣުލަބިއްޔަތު ރައުޔުގެ 39 ވަނަ ޕެރެގްރާފުގައި ޙަސަން ޝިޔާމްއަކީ ސިވިލް ކޯޓުގެ ނަންބަރު 1542/Cv-C/2012 ޤަޟިއްޔާއިން އޭނާގެ މައްޗަށް ސާބިތުވެފައިވާ ދަރަނި އަދާ ނުކުރާ މީހެއް ކަމަށް ނުބެލެވޭނެ ކަމަށް ބުނާބުނުމުގެ ހުއްޖަތު ދެއްކުމުގެ ގޮތުން، ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 161 ވަނަ މާއްދާއަށް ބަރޯސާވެފައިވަނީ ގާނޫނާ އެއްގޮތަށް ކަމަށް ނުދެކެމެވެ. އޭގެ ސަބަބު ތިރީގައި މި ބަޔާންކުރަނީއެވެ.

35. މަދަނީ އިޖުރާއަތުގެ ގާނޫނުގެ 367 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ ޙުކުމް ތަންފީޒުކުރުމަށް އެ ޙުކުމުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ދަރަނިވެރިޔާގެ އަމިއްލަ އިޚްތިޔާރުގައި ފުރިހަމައަށް ޙުކުމް ތަންފީޒުކޮށްފައިނުވާނަމަ، ޙުކުމް ތަންފީޒުކޮށްދިނުމަށް އެދި އަރަނިވެރިޔާގެ ފަރާތުން ކޯޓަށް ހުށަހަޅައިފިނަމަ، އެ ބާބުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން އެ ޙުކުމް ތަންފީޒުކުރުމުގެ މަރުޙަލާ ކޯޓުން ކުރިއަށްގެންދަންވާނެ ކަމަށެވެ. މި މާއްދާއިން އެނގެނީ ހުކުމް ތަންފީޒުކުރުމުގެ އިޖުރާއަތު ފެށޭނީ، ކޯޓެއްގެ ހުކުމަކުން މީހެއްގެ މައްޗަށް ސާބިތުކޮށްފައިވާ ދަރަނި އެ ހުކުމުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ދައްކާފައި ނުވާނަމަ ކަމަށެވެ. ސާބިތު ދަރަނި ދައްކަން ޖެހޭ މުއްދަތުގައި އެ ދަރަނި ދައްކަން ޖެހޭ މީހާ އެ ދަރަނި ދައްކަމުންދާނަމަ، ހުކުމް ތަންފީޒުކުރުމުގެ މަރުހަލާ ފެށުމަށް މަދަނީ އިޖުރާއަތުގެ ގާނޫނު ވެސް، އަދި އެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން މަދަނީ މައްސަލަތަކުގެ ހުކުމް ތަންފީޒުކުރުމުގައި ކޯޓުތަކުން އަމަލުކުރަމުންދާ އުސޫލުތައް ވެސް ތަނެއް ނުދެއެވެ. ޙަސަން ޝިޔާމްގެ މައްޗަށް ސިވިލް ކޯޓުގެ ނަންބަރު 1542/Cv-C/2012 ޤަޟިއްޔާއިން ސާބިތުވި ދަރަނި ނުދައްކައިގެން އެ މައްސަލައިގެ ހުކުމް ތަންފީޒުކުރުމުގެ އިޖުރާއަތު ފެށިފައިވާ ކަމަށް ޙަސަން ޝިޔާމްގެ ފަރާތުން އެއްބަސްވެފައިވެއެވެ. ޙުކުމް ތަންފީޒުކުރުމުގެ އިޖުރާއަތު ސިވިލް ކޯޓުން ފަށާފައިވަނީ ޙަސަން ޝިޔާމްގެ މައްޗަށް ސިވިލް ކޯޓުގެ ނަންބަރު 1542/Cv-C/2012 ޤަޟިއްޔާއިން ސާބިތުވި ދަރަނި ދައްކާފައި ނުވާތީއެވެ. ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގައި ބުނެފައިވަނީ" އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ މީހަކު ކަމުގައިވާނަމަ، އެ މީހަކު ރައްޔިތުންގެ މަޖިލިސްގެ މެންބަރުކަމުން ޑިސްކޮލިފައިވާނެ ކަމަށާއި އެ ހާލަތުގައި ހުރި މީހަކަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކެންޑިޑޭޓެއްގެ ގޮތުން ވާދަ ނުކުރެވޭނެ ކަމަށެވެ. ސިވިލް ކޯޓުގެ ނަންބަރު

1542/Cv-C/2012 ޤަޟިއްޔާއިން ސާބިތުވި ދަރަނި ޙަސަން ޝިޔާމް ދައްކާފައި ނެތުމުގެ ސަބަބުން، ހުކުމް ތަންފީޒުކުރުމުގެ އިޖުރާއަތު ފެށިފައިވަނީ ސާބިތު ދަރަނި ދައްކަން ސިވިލް ކޯޓުގެ ނަންބަރު 1542/Cv-C/2012 ޤަޟިއްޔާއިން އޭނާއަށް ދިން މުއްދަތުގެ ތެރޭގައި ދައްކާފައި ނުވާތީ ކަމަށް ވުމުން، ޙަސަން ޝިޔާމް އަކީ، ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގައި ބުނެފައިވާ ފަދައިން އޭނާ އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮވެ، އެ ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ މީހަކު ކަން އެއްވެސް އޮޅުމެއް ނެތި އެނގެއެވެ.

36. ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 161 ވަނަ މާއްދާއަކީ ހުކުމަކުން ދަރަނި ސާބިތުކޮށް، އެ ހުކުމާ އެއްގޮތަށް ދައްކަންޖެހޭ ދަރަނި ހުކުމުގައިވާ ގޮތަށް ދައްކާފައިނުވާ ހާލަތުގައި، އެ ސާބިތު ދަރަންޏަކީ ރަހުނަކުން ހިމާޔަތްކުރެވިފައިވާ ދަރަންޏެއްކަމުގައި ވާނަމަ، ހުކުމް ތަންފީޒުކުރުމުގެ އިޖުރާއަތު ހިންގުމުގައި އެ ފައިސާ ހޯދުމުގެ ގޮތުން އެންމެ ފުރަތަމަ އަޅާ ފިޔަވަޅެއްގެ ގޮތުން، އަޅާނޭ ފިޔަވަޅަކީ ރަހުނުކޮށްފައިވާ މުދާ ވިއްކައިގެން ދަރަނީގެ ފައިސާ ހޯދޭތޯ ބެލުން ކަމަށް ބަޔާންކުރުމަށް ލިޔެފައިވާ މާއްދާއެކެވެ. އެ މާއްދާގައި ބުނެފައިވާ ގޮތުން ދަރަނި ނެގި ފަރާތުގެ މައްޗަށް އަދި ގެރެންޓަރުންގެ މައްޗަށް ޝަޚުސީގޮތުން (ބޭންކް އެކައުންޓްތައް ފްރީޒްކުރުން، ނުވަތަ ގާނިޝީ އަމުރެއް ނެރުންފަދަ) ފިޔަވަޅުތައް އަޅާނީ ރަހުނުކޮށްފައިވާ މުދާ ވިއްކައިގެން ލިބޭ ފައިސާއިން ދަރަނި ޚަލާސްނުވާނަމަ ކަމަށް ބަޔާންކުރާ މާއްދާއެކެވެ. މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 161 ވަނަ މާއްދާއަކީ ހުކުމާ އެއްގޮތަށް ފައިސާ ނުދައްކައި ހުރި ފަރާތް ހުކުމާ އެއްގޮތަށް ފައިސާ ދައްކަމުން ގެންދާކަމަށް ދަލީލުކުރާ މާއްދާއެއް ނޫނެވެ. މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 161 ވަނަ މާއްދާއަކީ ޙަސަން ޝިޔާމްގެ މައްޗަށް ސިވިލް ކޯޓުގެ ނަންބަރު 1542/Cv-C/2012 ޤަޟިއްޔާއިން ސާބިތުވި ދަރަނި، އެ ހުކުމާ އެއްގޮތަށް ދައްކަން ދިން މުއްދަތުގައި ދައްކާފައި ނެތް ހިނދު، އޭނާއަކީ ހުކުމާއެއްގޮތަށް ފައިސާ ދައްކަމުންދާ މީހެއް ކަމަށް އޮޓަމެޓިކުން ފުރޮޅައިލާ މާއްދާއެއްވެސް ނޫނެވެ. އެކަން އެނގެނީ މަދަނީ އިޖުރާއަތުގެ ގާނޫނުގެ 367 ވަނަ މާއްދާގެ (ހ) އިންނެވެ. މަދަނީ އިޖުރާއާތުގެ ގަވާއިދުގެ 161 ވަނަ މާއްދާއިން ޙަސަން ޝިޔާމް ސިވިލް ކޯޓުގެ ނަންބަރު 1542/Cv-C/2012 ޤަޟިއްޔާގެ ހުކުމާ ޚިލާފުވި ޚިލާފުވުން މާފުކުރާ މާއްދާއެއްވެސް ނޫނެވެ. އެހެނީ ދަރަންޏާ ގުޅިގެން ޙަސަން ޝިޔާން ސޮއިކޮށްފައިވާ ރަހުނުގެ އެއްބަސްވުމުގައި ޙަސަން ޝިޔާމް އެ އެގްރީމަންޓުގައި އޭނާއާއެކު ސޮއިކޮށްފައިވާ މީހުންނާ އެކުގައި އަދި ވަކީންވެސް އެ ދަރަނި ފައިސާ ދައްކަން އެއްބަސްވެފައި އޮތުމުން، ސިވިލް ކޯޓުގެ ނަންބަރު 1542/Cv-C/2012 ޤަޟިއްޔާގެ ހުކުމުގައި އެ އެންމެހާ ފަރާތްތަކުން އެކުގައާއި އަދި ވަކީން ފައިސާ ދައްކަން ދިން 8 (އަށެއް) މަސްދުވަހުގެ ތެރޭގައި އެ ފައިސާ ހަމައަށް ހުކުމުގައިވާ ގޮތަށް ބޭންކަށް ފައިސާ ދެއްކުމަކީ އެ އެންމެން އެކުގައި އަދި އެހެން މީހުން ފައިސާ ނުދެއްކި ނަމަ މުޅި ދަރަނީގެ ފައިސާ އެކުގައި ޙަސަން ޝިޔާމް ދައްކަން ޖެހޭނެ ސާބިތު ދަރަންޏަކަށްވާތީވެ، އެ ފައިސާގެ ތެރެއިން ޙަސަން ޝިޔާމް ވަކިން ދައްކަންޖެހޭ މިންވަރަކީ ކޮބައިކަން ސާފުނުވާތީ ކަމަށް ބުނެ، އެ ފައިސާ އެ 8 (އަށެއް) މަސް ދުވަހުގެ ތެރޭގައި ނުދައްކައި ހުރުމަކީ ޙަސަން ޝިޔާމްއަށް އިޚްތިޔާރުކުރެވޭނެ ކަމެއް ނޫނެވެ.

37. އެއްވެސް މީހަކު ސާބިތު ދަރަނީގެ ފައިސާ ހުކުމާ އެއްގޮތަށް ނުދައްކައިގެން މަދަނީ އިޖުރާއަތުގެ ގާނޫނުގެ 367 ވަނަ މާއްދާގެ (ހ) ގައިވާ ގޮތަށް ހުކުމް ތަންފީޒުކުރުމުގެ އިޖުރާއަތު ފެށިފައިވާނަމަ، އެ ހާލަތުގައި ހުންނަ މީހާ އަކީ ސާބިތު ދަރަންޏެއް ހުކުމުގައިވާ ގޮތަށް ދައްކަމުން ނުގެންދާ މީހެއްކަން އަމަލީ ގޮތުން ސާބިތުވެފައިވާ މީހަކުކަމުގައި ވާތީވެ، އެފަދަ މީހަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމަށް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނުގެ13 8 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގަ އާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ގަވާއިދު 202414 ގެ 17 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޝަރުޠު ފުރިހަމަވާ މީހެއް ކަމަށް ނުބެލެވޭނެއެވެ.

38. ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމަށް ޑިސްކޮލިފައިވާނޭ ޝަރުތުތައް ބަޔާންކުރަމުން ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގައި ބުނެފައިވަނީ އެމީހަކީ "އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ މީހަކު ކަމުގައިވުން" މިގޮތަށެވެ. މިއީ ވަރަށް މާތް މަގްސަދެއް ހާސިލުކުރުމުގެ ގޮތުން ގާނޫނުއަސާސީގައި ހިމަނާފައިވާ މާއްދާއެކެވެ. މި ޝަރުތަކީ ޕްރޮފެސަރ ޝްމައިޒާ އެކުލަވާލި ގާނޫނުއަސާސީގެ ދެލިކޮޕީގެ ރައްޔިތުންގެ މަޖިލީހުގެ ބާބުގައި އެންމެ ފުރަތަމަވެސް ހިމެނިފައި އޮތް ޝަރުތެކެވެ. އެ ޝަރުތު އެގޮތަށް ސައުތު އެފްރިކާގެ ގާނޫނުއަސާސީގެ މ.47 (1) (ސީ) ގައާއި އިންޑިއާގެ ގާނޫނުއަސާސީގެ މ.102 (1) (ސީ) އަދި މ.191 (1) (ސީ) އާއި ދުނިޔޭގެ އެހެން ގައުމުތަކުގެ ގާނޫނުއަސާސީތަކުގައި ބަޔާންކޮށްފައިވެއެވެ. އަދި ސައުތު އެފްރިކާ އާއި އިންޑިއާގެ ގާނޫނުއަސާސީގެ ކަމާބެހޭ މާއްދާތަކުގެ އަކުރުތައް ތަރުތީބުވެފައިވާ ގޮތަށް ބަލާއިރު ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ އަކުރުތައް ހަމަ އެގޮތަށް ތަރުތީބުކޮށްފައިވާކަން ފާހަގަކުރެވޭނެއެވެ. ސައުތު އެފްރިކާގެ ގާނޫނުއަސާސީގެ މ.47 (1) (ސީ) ގައި ބަޔާންކޮށްފައިވަނީ ޕާލިމެންޓުގެ މެންބަރުކަމަށް ކުރިމަތިލާ މީހަކީ "އަންރިހެބިލިޓޭޓެޑް އިންސޮލްވެންޓް" އަކަށް ވެގެން ނުވާނެ ކަމަށެވެ. އިންޑިއާގެ ގާނޫނުއަސާސީގެ މ.102 (1) (ސީ) އަދި މ.191 (1) (ސީ) ގައި ބުނެފައިވަނީ ޕާލިމެންޓާއި ސްޓޭޓް ލެޖިސްލޭޗަރ ގެ މެންބަރުކަމަށް ކުރިމަތިލާ މީހަކީ "އަންޑިސްޗާޖްޑް އިންސޮލްވެންޓް" އަކަށް ވެގެން ނުވާނެ ކަމަށެވެ. ދިވެހިރާއްޖޭގެ 2008 ގެ ގާނޫނުއަސާސީ ޑްރާފްޓްކުރި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ޑްރާފްޓިންގ ކޮމިޓީއިން މި މަފްހޫމް ދިވެހި ބަހަށް ތަރުޖަމާކުރަން ބެލިއިރު، "އިންސޮލްވެންޓް" މި މަފްހޫމަކީ ދިވެހިރާއްޖޭގެ ގާނޫނުތައް ދަންނަ މަފްހޫމެއް ނޫނެވެ. އެހެންކަމުން ދިވެހިރާއްޖޭގައި މި މަފްހޫމާ އެންމެ ގާތްކުރާ އަދި އެ މަފްހޫމުގެ މަގްސަދު ހާސިލުވާ މަފްހޫމަކީ ކޯޓުން ކޮށްފައިވާ ހުކުމަކުން އެއްވެސް ފަރާތަކުން ދެއްކުމަށް އަންގާފައިވާ ފައިސާ އެ ހުކުމާ އެއްގޮތަށް ނުދެއްކުން ކަމަށް ބެލެވިގެން ޑްރާފްޓިންގ ކޮމިޓީއިން މި ސާބިތުދަރަނީގެ މަފްހޫމު ބަލައިގަނެ ގާނޫނުއަސާސީގައި ލިޔެފައިވަނީ ދިވެހިރާއްޖެއަށް ޚާއްސަ މަފްހޫމެއްގެ ގޮތުގައެވެ. ސަބަބަކަށްވީ އިންސޮލްވެންސީ ގާނޫނެއް ރާއްޖޭގައި ނެތުމެވެ. އަދިވެސް އެފަދަ ގާނޫނެއް ރާއްޖޭގައި ނެތެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލާ މީހަކީ ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކީ އެ މާއްދާގެ އެ އަކުރުގެ ދަށުން ޑިސްކޮލިފައިވާ މީހެއްތޯ ނުވަތަ ނޫންތޯ ބެލުމަށް ތަތުބީގުކުރަންޖެހެނީ ނުހަނު ސާދާ ޓެސްޓެކެވެ. އެއީ؛ (1) އެމީހެއްގެ މައްޗަށް ކޯޓުގެ ހުކުމަކުން އެއްވެސް ފަރާތަކަށް ފައިސާއެއް ދެއްކުމަށް އަމުރުކޮށްފައިވޭތޯ، އަދި އެކަން އެގޮތަށް އޮތް ނަމަ، (2) އެމީހަކު އެ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައިވޭތޯ ބެލުމެވެ. ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައިނުވާ ނަމަ، އެ މީހަކު އެވަނީ ޑިސްކޮލިފައި ވެފައެވެ. އަތުގައި އޮތް މި މައްސަލައަށް ބަލާއިރު، ޙަސަން ޝިޔާމުގެ މައްޗަށް ސިވިލް ކޯޓުގެ ނަންބަރު 1542/Cv-C/2012 ޤަޟިއްޔާގެ ހުކުމުން ސްޓޭޓް ބޭންކް އޮފް އިންޑިއާއަށް ފައިސާ ދެއްކުމަށް އަމުރުކުރިއެވެ. އެ ހުކުމާއެއްގޮތަށް ކަނޑައެޅިފައިވާ 8 (އަށެއް) މަސްދުވަހުގެ ތެރޭގައި ޙަސަން ޝިޔާމް އެ ފައިސާ އެ ބޭންކަށް ދައްކާފައި ނެތެވެ.

39. މަތީގައި މި ބަޔާންކުރި ސަބަބުތައް އެހެން، ހުރުމުން މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ މަތީގައި ބަޔާންކުރި ސަބަބުތައް އެ ގޮތުގެމަތިން ހުރުމުން،

(ހ) ހ.ވާލީވިލާ، ޙަސަން ޝިޔާމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނުގެ 8 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ގަވާއިދު 2024 ގެ 17 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގައި ބުނާ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާ މީހެއްގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުޠު ފުރިހަމަވާ މީހެއް ނޫންކަމުގައި މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައިފީމެވެ.

(ށ) ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި ޙަސަން ޝިޔާމު ވާދަކުރުމުގެ ހުއްދަދީ އޭނަގެ ކެންޑިޑޭޓުކަން ބަލައިގަތުމަށް އިލެކްޝަސް ކޮމިޝަނުން ނިންމާފައިވާ ނިންމުން ބާތިލުކަމަށް މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައިފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ: ޢާއިޝާ ޝުޖޫން މުޙައްމަދު މުޙައްމަދު އިބްރާހީމް ޙުސްނުއްސުޢޫދު (ރިޔާސަތު)

1

2

3 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-C/78 އަދި 2020/SC-C/79 ޤަޟިއްޔާ

4 ޤާނޫނު ނަންބަރު 2/2009

5 R-3/2024

6 jointly and severally

7 ސިވިލް ކޯޓުގެ ނަންބަރު 144-B11/CN/2023/01 ކޯޓު އަމުރު

8 ރަހުނު ބެހެއްޓި ފަރާތާއި ރަހުނު ހިފި ފަރާތާއި ގެރެންޓަރުންގެ މެދުގައި އެހެން ގޮތަކަށް އެއްބަސްވެފައި ނުވާނަމަ، ރަހުނު ހިމެނޭ ފައިސާގެ ޙުކުމް ތަންފީޛުކުރުމުގެ މައްސަލަތަކުގައި އެ ދަރަންޏަކާ ގުޅިގެން ޕަރސަނަލް ގެރެންޓީ ދީފައިވާ ގެރެންޓަރެއް ނުވަތަ ގެރެންޓަރުންތަކެއް ތިބިނަމަ، ގެރެންޓަރުންގެ މައްޗަށް ޙުކުމް ތަންފީޛުކުރާނީ، ރަހުނު ކުރެވިފައިވާ މުދާ ވިއްކައިގެން ދަރަނި އކުގައި ޚަލާޞް ނުވިނަމައެވެ. އެ ހާލަތުގައި އެ ދަރަންޏަކީ ރަހުނު ނުހިމެނޭ ސާބިތު ދަރަންޏަކަށް ބަދަލުވެގެންދާނެއެވެ.

9 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-A/16 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޕްރެގްރާފް 39

10 އިލެކްޝަން ކޮމިޝަންސް ވ.ޙަސަން މޫސާ [2021]SC 36 ގެ 17 ވަނަ ޕެރެގްރާފް

11 2012/SC-C/34

12 ޤާނޫނު ނަންބަރު 32/2021

13 ޤާނޫނު ނަންބަރު 2/2009

14 R-3/2024

2024/SC-E/03 [2024] SC 16

2019/SC-A/300 [2021] SC 778

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ