ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2020/SC-C/78, 2020/SC-C/79ސުޕްރީމް ކޯޓު · 16 ނޮވެމްބަރު 2020

—

ސުޕްރީމް ކޯޓު
4 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 16 ނޮވެމްބަރު 2020ބާވަތް: ދުސްތޫރީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު، ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން، އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި)

ތަޢާރުފު

މި މައްސަލައަކީ، 8 ސެޕްޓެމްބަރު 2020 ގައި އަމަލުކުރަން ފެށި ދިވެހިރާއްޖޭގެ ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ 3 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގައި އަލަށް އުފެދުނު އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް ހިންގުމަށްޓަކައި އެކުލަވާލެވުނު ވަގުތީ ކައުންސިލުގެ މެންބަރުކަމަށް އެ ގާނޫނުގެ ދަށުން މެންބަރުން އައްޔަންކުރުމަށް އޮޑިޓަރ ޖެނެރަލްއަށް ދީފައިވާ ބާރުގެ ދަށުން، ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު ޢަބްދުﷲ އައްޔަންކުރުމުން، އެ މަގާމު ޔައުގޫބު ޢަބްދުﷲ ގަބޫލުކޮށްފައިވާތީ، އެ ކަމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ) ގެ (3) ވަނަ ނަންބަރާއި (8) ވަނަ ނަންބަރުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަދާކުޅައުން މަނާކޮށްފައިވާ ވަޒީފާއެއް އަދާކުރުން ކަމަށާއި، އެ ކަމަކީ ގާނޫނުއަސާސީއާ ޚިލާފަށް ޔައުގޫބު ޢަބްދުﷲ ކުޅަ އަމަލެއް ކަމުގައި ބުނެ، އެކަމުގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރުކަމުގެ ގޮނޑި ހުސްވެފައިވާކަމަށް ކަނޑައަޅައިދިނުން އެދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 74 ވަނަ މާއްދާގެ ދަށުން މުޙައްމަދު ޙަލީމު އާ އަސްޢަދު ޝަރީފް ސުޕްރީމް ކޯޓަށް ހުށަހެޅުމުން ސުޕްރީމް ކޯޓުން ބަލާފައިވާ މައްސަލައެކެވެ.

މައްސަލައިގެ އިޖުރާއީ ކަންކަން

އިޚްތިސާސް

ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމުގެ ޝަރުތެއް މީހެއްގައި ހަމަވޭތޯ ނުވަތަ މެންބަރަކު މަގާމުން ވަކިކުރަން ޖެހިއްޖެތޯ ބެލުމުގައި ނުވަތަ މެންބަރުކަމުގެ ގޮނޑިއެއް ހުސްވެއްޖެ ކަމާމެދު ޚިލާފެއް އުފެދިއްޖެނަމަ އެ މައްސަލައެއް ބަލައި ގޮތެއް ކަނޑައަޅާނީ ސުޕްރީމް ކޯޓުން ކަމުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 74 ވަނަ މާއްދާގައި ބުނެފައިވެއެވެ. މައްސަލަ ހުށަހެޅި ފަރާތްތަކުން ސުޕްރީމް ކޯޓަށް ހުށަހެޅި ލިޔުންތަކާއި ސުޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން، މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް ހިންގުމަށްޓަކައި އެކުލަވާލެވުނު ވަގުތީ ކައުންސިލުގެ މެންބަރުކަމަށް ޔައުގޫބު ޢަބްދުﷲ އައްޔަންކުރުމުން އެ މަގާމު ޔައުގޫބު ޢަބްދުﷲ ގަބޫލުކޮށްފައިވާތީ އޭނާގެ މެންބަރުކަމުގެ ގޮނޑި ގެއްލިއްޖެ ކަމާމެދު ޚިލާފު އުފެދިގެން ކަމަށް ގަބޫލުކުރާނޭ ސަބަބުތަކެއް ހުރުމުން، ގާނޫނުއަސާސީގެ 74 ވަނަ މާއްދާގެ ދަށުން މި މައްސަލަ ބެލުމުގެ އިޚްތިސާސް މި ކޯޓަށް ލިބިގެންވެއެވެ.

މައްސަލަ ހުށަހެޅުމުގެ ގާނޫނީ ހައިސިއްޔަތު

މި މައްސަލައިގެ މައުޟޫއަށް ދިއުމުގެ ކުރިން މައްސަލަ ރައްދުވާ ފަރާތްކަމަށްވާ ޔައުގޫބު ޢަބްދުﷲ ގެ ފަރާތުން މި މައްސަލައިގައި އިޖުރާއީ ނުކުތާއެއް ހުށަހަޅާފައިވެއެވެ. އެގޮތުން، މައްސަލަ ރައްދުވާ ފަރާތުން ބުނެފައިވަނީ މައްސަލަ ހުށަހެޅި ފަރާތްތަކަށް ގާނޫނުއަސާސީގެ 74 ވަނަ މާއްދާގެ ދަށުން މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ ގާނޫނީ ހައިސިއްޔަތު ނެތް ކަމަށެވެ. މި މައްސަލަ ރައްދުވާ ފަރާތުން ހުށަހެޅި ނުކުތާ މައިގަނޑު ގޮތެއްގައި ބިނާކޮށްފައިވަނީ ގާނޫނުއަސާސީ ޑްރާފްޓްކުރި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ކޮމިޓީއިން 5 އޭޕްރިލް 2007 ތާރީޚުގައި ބޭއްވި ބައްދަލުވުމުގައި ދައްކާފައިވާ ވާހަކަތަކަށެވެ. މައްސަލަ ރައްދުވާ ފަރާތުން ބުނެފައިވަނީ، ހަވާލާ ދެވުނު ބައްދަލުވުމުގެ ޔައުމިއްޔާއަށް ބަލާއިރު، ގާނޫނުއަސާސީގެ 74 ވަނަ މާއްދާއަކީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މެންބަރުކަމުން ވަކިވެއްޖެކަމަށް ކަނޑައެޅުމަށްޓަކައި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމުގެ ހައިސިއްޔަތު ކޮންމެ މީހަކަށް ލިބިދިނުމުގެ ނިޔަތުގައި ހިމަނާފައި އޮތް މާއްދާއެއް ނޫންކަން އެ ޔައުމިއްޔާއިން އެނގޭ ކަމަށެވެ. އަދި އެ މާއްދާ އެގޮތަށް މާނަކުރެވިދާނެތީ އެ ކޮމިޓީގެ ކަންބޮޑުވުން އޮތްކަންވެސް އެ ބައްދަލުވުމުގައި ދެކެވުނު ވާހަކަތަކަށް ބެލުމުން އެނގޭ ކަމަށެވެ. އަދި އެ ކޮމިޓީއިން އެ މާއްދާގެ ބަހުސް ނިންމާލާފައިވަނީ ގާނޫނުގައި އެކަން ތަފްސީލުކޮށްދިނުމަށް ނިންމުމަށްފަހުގައި ކަމަށް ވެސް މައްސަލަ ރައްދުވާ ފަރާތުން ސުޕްރީމް ކޯޓުގައި ބަޔާންކޮށްފައިވެއެވެ.

މައްސަލަ ރައްދުވާ ފަރާތުން ބުނެފައިވަނީ ގާނޫނުއަސާސީގެ 74 ވަނަ މާއްދާގެ ދަށުން ހުށަހެޅިގެން ސުޕްރީމް ކޯޓުން ބެލި ފުރަތަމަ މައްސަލައަކީ ސުޕްރީމް ކޯޓުގެ ނަންބަރު 2009/SC-C/27 ގަޒިއްޔާ ކަމަށާއި އެ މައްސަލަ ބަލާފައިވަނީ 'ޕަބްލިކް އިންޓްރެސްޓް ލިޓިގޭޝަންގެ މައްސަލައެއްގެ ގޮތުގައި' ކަމަށެވެ. އަދި އޭގެ ފަހުން، ގާނޫނުއަސާސީގެ 74 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުނު ޢަބްދުﷲ ޙަސީން އާއި އިތުރު ފަރާތްތަކެއް ވ. ދައުލަތް ގަޒިއްޔާގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވަނީ މި ބާވަތުގެ މައްސަލަތައް ހުށަހެޅުމުގެ ހައިސިއްޔަތު ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށާއި އިލެކްޝަންސް ކޮމިޝަނަށް ކަމަށެވެ. އެގޮތަށް އެ ގަޒިއްޔާގައި ބަޔާންކުރުމަށްފަހު، އެ ގަޒިއްޔާ ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ "ޢާންމު މަސްލަޙަތުގެ ދައުވާ" ބަލައިގަތުމުގެ އުސޫލުތަކަށް ރިއާޔަތްކޮށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިގެންވާ "ގާނޫނުއަސާސީއާ ގާނޫނުތަކުގެ ބެލެނިވެރިކަމުގެ ހައިސިއްޔަތުން" ކަމަށް، އެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގެ ފުރަތަމަ ނުކުތާގައި ސުޕްރީމް ކޯޓުން ފާހަގަކޮށްފައިވާ ކަމަށެވެ. އެހެންކަމުން، މައްސަލަ ރައްދުވާ ފަރާތުން ބުނެފައިވަނީ ގާނޫނުއަސާސީގެ 74 ވަނަ މާއްދާގެ ދަށުން ގޮތެއް ކަނޑައަޅައި ދިނުން އެދި މީގެ ކުރިން ސުޕްރީމް ކޯޓަށް ހުށަހެޅުނު މައްސަލަތައް އެ ކޯޓުން ބަލާފައިވަނީ ދުސްތޫރީ މައްސަލަތަކެއްގެ ގޮތުގައި ކަމަށް ވީނަމަވެސް، މި ފަދަ މައްސަލަތަކަކީ ގާނޫނުއަސާސީގެ 274 ވަނަ މާއްދާގައި "ދުސްތޫރީ މައްސަލަ" މާނަކޮށްފައިވާ ގޮތަށް ބަލާއިރު، ދުސްތޫރީ މައްސަލަތަކެއް ކަމަށް ނުބެލެވޭނެތީވެ، މި މައްސަލަ އަކީ ދުސްތޫރީ މައްސަލައެއް ކަމަށް ނުވަތަ "އާންމު މަސްލަހަތުގެ ދައުވާ" އެއް ކަމަށް ބަލައިގެން އާންމު ފަރާތަކަށް މި މައްސަލަ ހުށަހެޅުމުގެ ހައިސިއްޔަތު ލިބިގެންނުވާ ކަމަށެވެ.

އެހެންކަމުން، މައްސަލަ ރައްދުވާ ފަރާތުގެ ހުށަހެޅުމުގައި ފާހަގަކުރި އިސްވެދިޔަ ނުކުތާއަށް ބަލާއިރު، ގާނޫނުއަސާސީގެ 74 ވަނަ މާއްދާ އެކޭ އެއްގޮތަށް، މަގާމުގެ ޝަރުތުތަކާމެދު ސުވާލު އުފެއްދިއްޖެނަމަ ނުވަތަ މަގާމުން ވަކިކުރުމާމެދު ސުވާލު އުފެއްދިއްޖެނަމަ އެކަމެއް ވަކިގޮތަކަށް ނިންމުމުގެ އިޚްތިސާސް ގާނޫނުއަސާސީގެ 113 ވަނަ މާއްދާގެ ދަށުން ވެސް ސުޕްރީމް ކޯޓަށް ދީފައިވެއެވެ. އެހެންކަމުން ގާނޫނުއަސާސީގެ 74 ވަނަ މާއްދާ އާއި ގާނޫނުއަސާސީގެ 113 ވަނަ މާއްދާގެ ދަށުން ސުޕްރީމް ކޯޓަށް ހުށަހަޅާ މައްސަލަތައް ހުށަހެޅުމުގެ ހައިސިއްޔަތު ލިބިގެންވާ ފަރާތްތަކާބެހޭ ގޮތުން ކޯޓުން އަމަލުކުރަންވާނީ އެއް އުސޫލަކުން ކަމަށް ގަބޫލުކުރެވެއެވެ. ގާނޫނުއަސާސީގެ 74 ވަނަ މާއްދާ އާއި ގާނޫނުއަސާސީގެ 113 ވަނަ މާއްދާގެ ދަށުން ސުޕްރީމް ކޯޓަށް ދީފައިވާ އިޚްތިސާސްއަކީ ގާނޫނުއަސާސީގެ 143 ވަނަ މާއްދާ އާއި 144 ވަނަ މާއްދާގެ ދަށުން ސުޕްރީމް ކޯޓަށް ދީފައިވާ ގާނޫނުއަސާސީ މާނަކުރުމާއި ޖުޑީޝަލް ރިވިއުގެ ދުސްތޫރީ އިޚްތިސާސް ގެ އިތުރުން ސުޕްރީމް ކޯޓާއި ހަވާލުކޮށްފައިވާ ޚާއްސަ ދުސްތޫރީ އިޚްތިސާސްއެކެވެ. ގާނޫނުއަސާސީގެ 74 ވަނަ މާއްދާ އާއި 113 ވަނަ މާއްދާގައި ހިމެނޭނީ މައިގަނޑު ގޮތެއްގައި ގާނޫނުއަސާސީ މާނަކުރުމާއި ޖުޑިޝަލް ރިވިއުއަށް ހުށަހެޅޭ ކަންކަން ކަމަށްވުމުން، ގާނޫނުއަސާސީގެ 74 ވަނަ މާއްދާ އާއި 113 ވަނަ މާއްދާގެ ދަށުން ހުށަހެޅޭ މައްސަލަތަކަކީވެސް ދުސްތޫރީ މައްސަލަތަކެކެވެ. އަދި ގާނޫނުއަސާސީގެ 74 ވަނަ މާއްދާ އާއި 113 ވަނަ މާއްދާގެ ދަށުން މީގެ ކުރިން ސުޕްރީމް ކޯޓުން ނިންމާފައިވާ ގަޒިއްޔާތައް ނިންމާފައިވަނީވެސް އެފަދަ މައްސަލަތަކަކީ ދުސްތޫރީ މައްސަލަތައް ކަމަށް ބަލައިގެންނެވެ. ނަމަވެސް ތަފާތަކީ މި ބަޔާންކުރެވުނު ދެ މާއްދާގެ ދަށުން ހުށަހެޅޭ ދުސްތޫރީ މައްސަލަތައް ބެލުމުގެ އިޚްތިސާސް ލިބިގެންވަނީ ހަމައެކަނި ސުޕްރީމް ކޯޓަށް ކަމުގައިވާ ކަމެވެ.

ގާނޫނުއަސާސީގެ 74 ވަނަ މާއްދާގެ ދަށުން މި ކޯޓަށް އެންމެ ފުރަތަމަ ހުށަހެޅުނު މައްސަލަ އަކީ އުމަރު ނަސީރު ވ. މުހައްމަދު މުސްތަފާ ގަޒިއްޔާއެވެ. އެ މައްސަލަ ސުޕްރީމް ކޯޓުން ކުރިއަށް ގެންގޮސްފައިވަނީ އާއްމު މަސްލަހަތާ ގުޅޭ ދުސްތޫރީ މައްސަލައެއްގެ ގޮތުގައެވެ. އެ މައްސަލައިގައި ބަހުސްކުރެވުނު އަދި ގޮތެއް ނިންމުނު ދުސްތޫރީ ސުވާލަކީ އެ ގަޒިއްޔާގައި ހުށަހެޅުނު ހާލަތަކީ، ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައި ބުނެފައިވާ "އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮވެފައި އެ ދަރަނި ހުކުމާއެއްގޮތަށް އަދާކުރަމުންނުދާ މީހަކު ކަމުގައިވުން" މި އިބާރާތުގެ ތެރޭގައި ހިމެނޭ ހާލަތެއްތޯ ނުވަތަ ނޫންތޯ ކަމަށްވާއިރު، އެ މައްސަލައިގެ މައުޟޫއަކީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރު މާނަކުރުންކަން އެނގެއެވެ. ގާނޫނުއަސާސީގެ 74 ވަނަ މާއްދާގެ ދަށުން މި ކޯޓަށް ދެވަނަ އަށް ހުށަހެޅުނު ގަޒިއްޔާއަކީ ޢަބްދުﷲ ޙަސީން އާއި އިތުރު ފަރާތްތަކެއް ވ. ދައުލަތް މި ގަޒިއްޔާއެވެ. އެ ގަޒިއްޔާގައި ސުޕްރީމް ކޯޓުގެ ޝަރީއަތުގެ ކުރިމައްޗަށް މާނަކުރުމަށް ހުށަހެޅުނު ދުސްތޫރީ ސުވާލަކީ، ގާނޫނުއަސާސީގެ 73 (ނ) ގެ (2) ގައި ބަޔާންކޮށްފައިވާ "ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ ބާރަ މަސްދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަމުންދާ މީހަކު" ކަމުގައި ދަށު ކޯޓުން ކުށް ސާބިތުވާ ކަމަށް ހުކުމްކޮށްފައިވާ މީހެއްގެ އިސްތިއުނާފީ މަރުހަލާ ނިމިފައިނުވާ ހާލަތުގައި ޖިނާއީ ކުށެއް ކުރިކަން ސާބިތުވާކަމަށް ބެލެވޭނެތޯއެވެ. ސުޕްރީމް ކޯޓުގެ އެ ގަޒިއްޔާގެ ހުކުމުގެ ފާހަގަކުރެވޭ ނުކުތާތަކުގެ (ހ) ގައި ސުޕްރީމް ކޯޓުން ބުނެފައިވަނީ ގާނޫނުއަސާސީގެ 74 ވަނަ މާއްދާގެ ދަށުން ދައުވާކުރުމުގެ ހައިސިއްޔަތު އިޖުރާއީ އުސޫލުތަކަށް ރިއާޔަތްކުރާއިރު ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށާއި އިލެކްޝަންސް ކޮމިޝަނަށް ކަމުގައި ވިޔަސް، އެ މައްސަލަ ސުޕްރީމް ކޯޓުން ހިންގޭނެ ކަމަށް ބަލައިގެންފައިވަނީ އާންމު މަސްލަހަތުގެ ދައުވާ ބަލައިގަތުމުގެ އުސޫލުތަކަށް ރިއާޔަތްކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިގެންވާ ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ ބެލެނިވެރިކަމުގެ ހައިސިއްޔަތުން ކަމަށެވެ. އެ ގަޒިއްޔާގެ ހުކުމުގައި "ގާނޫނުއަސާސީގެ 74 ވަނަ މާއްދާގެ ދަށުން ދައުވާކުރުމުގެ ހައިސިއްޔަތު އިޖުރާއީ އުސޫލުތަކަށް ރިއާޔަތްކުރާއިރު ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށާއި އިލެކްޝަންސް ކޮމިޝަނަށް" ކަމުގައި ސުޕްރީމް ކޯޓުން ފާހަގަކުރިއިރު ސުޕްރީމް ކޯޓުން ހަވާލާދިނީ ކޮން ތަނެއްގައި ބަޔާންކޮށްފައި އޮތް ކޮން އިޖުރާއީ އުސޫލަކަށް ކަމެއް ސުޕްރީމް ކޯޓުގެ އެ ގަޒިއްޔާގެ ހުކުމުގައި ބުނެފައި ނެތެވެ. އަދި ގާނޫނުއަސާސީގެ 74 ވަނަ މާއްދާގެ ދަށުން ދައުވާކުރުމުގެ ހައިސިއްޔަތު ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށާއި އިލެކްޝަންސް ކޮމިޝަނަށް ކަމަށް ބަޔާންކުރާ އެއްވެސް އިޖުރާއީ އުސޫލެއް ވުޖޫދުގައި ނެތެވެ. މީގެ އިތުރުން އެ ގަޒިއްޔާ ސުޕްރީމް ކޯޓުން ބަލައިގެންފައިވަނީ ސުޕްރީމް ކޯޓަށް ލިބިގެންވާ ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ "ބެލެނިވެރިކަމުގެ ހައިސިއްޔަތުން" ކަމަށް ބަޔާންކޮށްފައި އޮތުމުން އެ ގަޒިއްޔާ ސުޕްރީމް ކޯޓުގައި ހިންގާފައިވަނީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައިކަން އެނގެއެވެ. ހަމައެގޮތަށް، ގާނޫނުއަސާސީގެ 74 ވަނަ މާއްދާގެ ދަށުން މި ކޯޓަށް ހުށަހެޅުނު ތިން ވަނަ މައްސަލަ ކަމުގައިވާ މުޙައްމަދު ޙަލީމް ވ. އަލީ ޢާޡިމް އާއި މުޙައްމަދު ނާޝިޒު ގަޒިއްޔާގައި ބަހުސް ކުރެވުނު އަދި ގޮތެއް ކަނޑައެޅުނު ދުސްތޫރީ ސުވާލަކީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ "ސާބިތު ދަރަނި" މި އިބާރާތުގެ ތެރޭގައި ދަރަންޏަކަށް ގެރެންޓީ ދިން ފަރާތެއް ހިމެނޭނެތޯއެވެ.

ގާނޫނުއަސާސީގެ 274 ވަނަ މާއްދާގައި ދުސްތޫރީ މައްސަލައެއް ކަމަށް މާނަކޮށްފައިވަނީ، ގާނޫނުއަސާސީގެ މާއްދާއެއް ނުވަތަ މާއްދާއެއްގެ ބައެއްވިޔަސް މާނަކުރާން ޖެހިއްޖެނަމަ އެކަމުގައި ގޮތެއް ކަނޑައެޅުމަށްޓަކައި ބެލޭ މައްސަލަތަކާއި، ގާނޫނެއް ނުވަތަ ގާނޫނެއްގެ ބައެއް ނުވަތަ ގަވާއިދެއް ނުވަތަ ގަވާއިދުން ބައެއް ނުވަތަ ދައުލަތުގެ އިދާރާއަކުން ނެރޭ އަމުރެއް ނުވަތަ އެއިން އިދާރާއެއްގެ މުވައްޒަފަކު ކުރާ ކަމެއް ނުވަތަ ނިންމާފައިވާ ނިންމުމެއްވިޔަސް ގާނޫނުއަސާސީއާ ޚިލާފުވޭތޯ ބަލައި، އެކަމުގައި ގޮތެއް ނިންމާންޖެހިއްޖެ ކޮންމެ މައްސަލައަކަށެވެ. ވީމާ، ގާނޫނުއަސާސީގެ 74 ވަނަ މާއްދާގެ ދަށުންނާއި ގާނޫނުއަސާސީގެ 113 ވަނަ މާއްދާގެ ދަށުން ސުޕްރީމް ކޯޓަށް ހުށަހެޅިގެން ސުޕްރީމް ކޯޓުން ބަލާފައިވާ މައްސަލަތަކަކީ އެ މައްސަލަތަކުގައި ގާނޫނުއަސާސީ މާނަކުރުން ޝާމިލުވާ މައްސަލަތަކެއް ކަމަށްވާތީވެ، އެ މައްސަލަތަކަކީ ގާނޫނުއަސާސީގެ ދަށުން އަސްލީ އިޚްތިސާސް ލިބިގެން ސުޕްރީމް ކޯޓުން ބަލާފައިވާ ދުސްތޫރީ މައްސަލަތަކެކެވެ. ގާނޫނުއަސާސީ ޑްރާފްޓްކުރި ކޮމިޓީއިން 5 އޭޕްރިލް 2007 ތާރީޚުގައި ބޭއްވި ބައްދަލުވުމުގައި ގާނޫނުއަސާސީގެ 74 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މެންބަރުކަމުން ވަކިވެއްޖެކަމަށް ކަނޑައެޅުމަށްޓަކައި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމުގެ ހައިސިއްޔަތު ކޮންމެ މީހަކަށް ލިބޭ ގޮތަށް އެ މާއްދާ މާނަކުރެވިދާނެތީވެ، އެ ބައްދަލުވުމުގައި ބައެއް މެންބަރުން ކަންބޮޑުވުން ފާޅުކުރި ނަމަވެސް، އެ ކަންބޮޑުވުން ހިމެނޭގޮތަށް ނުވަތަ އެ މާއްދާގެ ދަށުން މައްސަލަ ހުށަހެޅުމުގެ ހައިސިއްޔަތު ކަނޑައެޅިފައިވާ ވަކިފަރާތަކަށް ޚާއްސަކުރުމަށް ގާނޫނުއަސާސީގައި ނުވަތަ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގާނޫނެއްގައި ކަނޑައަޅާފައި ނެތެވެ.

ގާނޫނަކުން އެހެން ގޮތަކަށް ކަނޑައަޅާފައި ނުވާނަމަ ކޯޓުތަކަށް މައްސަލަ ހުށަހެޅޭނީ އެ މައްސަލައެއް ހުށަހެޅުމުގެ ހައިސިއްޔަތު ލިބިފައިވާ ފަރާތަކަށެވެ. ދުސްތޫރީ މައްސަލައެއް ހުށަހެޅުމުގެ ހައިސިއްޔަތު ލިބިގެންވާ ފަރާތް ކަނޑައެޅުމުގައި އެކި ޖުރިސްޑިކްޝަންތަކުގައި ބޭނުންކުރާ އުސޫލުތަކަށް ބަލާއިރު މައިގަނޑު ދެ މަފްހޫމެއް ބޭނުންކުރެއެވެ. އެއް މަފްހޫމަކީ ދުސްތޫރީ މައްސަލަތައް ހުށަހެޅުމުގެ ހައިސިއްޔަތު ލިބިގެންވާ ކަމަށް ކަނޑައެޅުމުގައި އެކަމަކީ މައްސަލަ ހުށަހަޅާ ފަރާތަށް ލިބިދާނެ ގެއްލުމެއް ނުވަތަ ދެރައެއް އޮތްކަމެއްކަން އެމީހަކު ކޯޓަށް ދައްކައި ދިނުމަށް ލާޒިމުކުރާ މަފްހޫމެވެ. އެފަދަ ކަމެއް ދައްކައި ނުދެވޭނަމަ އެފަރާތަށް މައްސަލަ ހުށަހެޅުމުގެ ހައިސިއްޔަތު ނެތްކަމަށް ބަލައި، އެ މައްސަލައިގެ މައުޟޫއަށް ކޯޓުން ރިއާޔަތްނުކުރެއެވެ. އަދި މި މައިގަނޑު މަފްހޫމަށް އަމަލުކުރާ ބައެއް ގައުމުތަކުގައި ދުސްތޫރީ މައްސަލަތައް ހުށަހެޅުމުގެ ހައިސިއްޔަތު ލިބިގެންވާ ކަމަށް ކަނޑައެޅުމުގައި އެ މައްސަލައިގެ މައުޟޫގައި ހިމެނޭ ކަމުގައި މައްސަލަ ހުށަހަޅާ ފަރާތުގެ ޚާއްސަ މަސްލަހަތެއް އޮތުން ލާޒިމުކުރެއެވެ. އެ ކަމުގައި ދައުވާ ހުށަހަޅާ ފަރާތުގެ ޚާއްސަ މަސްލަހަތެއް އޮތްކަން ދައްކައި ނުދެވިއްޖެ ނަމަ އެ މައްސަލައެއް ކޯޓުން ކުރިއަށް ނުގެންދާނެއެވެ. މައިގަނޑު ދެވަނަ މަފްހޫމަކީ އެ ގާނޫނުއަސާސީއެއް އެމީހެއްގެ މައްޗަށް ހިނގާ ކޮންމެ މީހަކަށްމެ ދުސްތޫރީ މައްސަލަތަކުގައި ދައުވާކުރުމުގެ ހައިސިއްޔަތު އޮތް ކަމަށް ބެލުމެވެ. މި މަފްހޫމަށް ތާއީދުކުރާ ގައުމުތަކުގެ ފަނޑިޔާރުންގެ ރައުޔަކީ ދުސްތޫރީ މައްސަލަތަކުގައި މައްސަލަ ހުށަހެޅުމުގެ ހައިސިއްޔަތު އޮތްތޯ ބެލުމަކީ ބޭނުމެއް އޮތް ކަމެއް ނޫންކަމަށާއި އެއީ އަދުލުއިންސާފު ހޯދުމަށް އެޅޭ ހުރަހެއް ކަމަށެވެ. އަދި އެކަމަކީ ކޯޓުތަކަށް ގާނޫނުއަސާސީއިން ދީފައިވާ ޖުޑިޝަލް ރިވިއުގެ ފުރުސަތު ހަނިވެގެންދާނޭ ކަމެއް ކަމަށެވެ. އެހެންކަމުން، ދުސްތޫރީ މައްސަލަތަކުގައި ގާނޫނުގެ ވެރިކަން ނެގެހެއްޓުމަށާއި، ގާނޫނުއަސާސީއާ ޚިލާފު އަމަލުތައް ހުއްޓުވުމަށް ވީހާވެސް ފުޅާގޮތެއްގައި މަގުފަހިވެފައި އޮތުމަކީ މުހިންމު ކަމެއް ކަމަށް ވުމާއެކު ގާނޫނުއަސާސީ އެމީހެއްގެ މައްޗަށް ހިނގާ ކޮންމެ މީހަކަށްމެ އިޚްތިސާސް ލިބިގެންވާ ކޯޓަށް ދުސްތޫރީ މައްސަލަ ހުށަހެޅުމުގެ ހައްގު ލިބިގެންވާ ކަމަށް ގަބޫލުކުރެވެއެވެ. އަދި އެއީ މިހާތަނަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި ދިވެހިރާއްޖޭގެ ހައިކޯޓުންވެސް އަމަލުކުރަމުން އައި ގޮތެވެ.

ދުސްތޫރީ މައްސަލަތައް ހުށަހެޅުމުގެ އިޚްތިސާސް ވީހާވެސް ފުޅާދާއިރާއެއްގައި ހުޅުވިފައި އޮތުމަކީ ގާނޫނުގެ ވެރިކަން ނެގެހެއްޓުމަށާއި ދައުލަތުގެ މަސްއޫލުވެރިން ޖަވާބުދާރީ ކުރުވުމަށްޓަކައި ކޮންމެހެން މުހިންމު ކަމެއް ކަމުގައިވީ ނަމަވެސް، ގާނޫނުއަސާސީގެ 43 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ މައްސަލަތަކުގައި ތަފާތު އުސޫލެއް ގެންގުޅުން ލާޒިމުވާކަން ގާނޫނުއަސާސީގެ 43 ވަނަ މާއްދާގެ (ނ) ގެ އިބާރާތުން އެނގެއެވެ. ގާނޫނުއަސާސީގެ 43 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވަނީ އިދާރީގޮތުން އަޅާ ފިޔަވަޅެއްގެ ސަބަބުން އެއްވެސް މީހެއްގެ ހައްގަކަށް ނުވަތަ އެއްވެސް ބައެއްގެ ހައްގަކަށް ނުވަތަ މުޖުތަމައުގެ ހައްގަކަށް އުނިކަމެއް ލިބިއްޖެ ކަމަށް ފެނިއްޖެނަމަ، އެކަމެއް ކޯޓަށް ހުށަހެޅުމުގެ ހައްގު އެ މީހަކަށް ނުވަތަ އެ ބަޔަކަށް ނުވަތަ އެކަމުން ސީދާގޮތެއްގައި އަސަރުފޯރާފާނޭ ކޮންމެ މީހަކަށް ލިބިގެންވާ ކަމަށެވެ.

ދައުވާ ރައްދުކޮށްފައިވާ ގޮތް

މި މައްސަލަ ރައްދުވާ ޔައުގޫބު ޢަބްދުﷲ ގެ ފަރާތުން ހުށަހަޅާފައިވާ އިޖުރާއީ ނުކުތާއެއްގައި ބުނެފައިވަނީ މައްސަލަ ރައްދުވަނީ ގއ. ދާންދޫ، ކަކާގޭ، ޔައުގޫބު ޢަބްދުﷲ އަށްކަމަށް މައްސަލަ ހުށަހަޅާ ފޯމްގެ 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވުމުން، އަމިއްލަ ފަރުދަކަށް އޭނާގެ އަމިއްލަ ހައިސިއްޔަތުގެ މައްޗަށް ދުސްތޫރީ މައްސަލައެއް ހުށަހެޅި، އެ މައްސަލަ ރައްދުކުރެވި، އެ މައްސަލައަށް ޖަވާބުދާރީވާންޖެހޭ ގާނޫނީ ސަބަބެއް މައްސަލަ ހުށަހެޅި ފަރާތުން ބަޔާންކޮށްފައިނުވާ ކަމަށެވެ. މީގެ އިތުރުން، ޔައުގޫބު ޢަބްދުﷲ ގެ ފަރާތުން ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގައި ތަމްސީލުކުރެވޭ ކޮންމެ ދާއިރާއަކީވެސް ދައުލަތުގެ ރަސްމީ ހައިސިއްޔަތެއްކަމަށްވީ ހިނދު، އެ ދާއިރާއެއްގެ މެންބަރެއްގެ މައްޗަށް ހުށަހެޅޭ މައްސަލައިގައިވެސް ފުރިހަމަވާންޖެހޭ އިޖުރާއަތުތައް ތަފާތުކަމަށް ބަޔާންކުރާ ގާނޫނެއް ނެތް ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ނުވަތަ ދާއިރާއެއްގެ ގޮނޑިއަކާގުޅޭ ސުވާލެއް އޭގެ އަސްލަށް ހުށަހެޅޭ ހިނދު، އެ މައްސަލަ ރައްދުވާންޖެހޭނީ، އެ މެންބަރެއްގެ ރަސްމީ ހައިސިއްޔަތަށް ކަމަށެވެ.

އުސޫލެއްގެ ގޮތުން، ދުސްތޫރީ ކޮންމެ މައްސަލައެއްގައި ދައުވާ ރައްދުވާ އަސާސީ ފަރާތަކަށްވާނީ ދައުލަތުގެ ބަންޑާރަ ނާއިބެވެ. ބަންޑާރަ ނާއިބަކީ މުޅި ދައުލަތް ތަމްސީލުކުރާ އިސް ގާނޫނީ ވަކީލެވެ. ނަމަވެސް، އެ މައްސަލައެއްގައި ހިމެނޭ ކަމަކީ ވަކި މުއައްސަސާއަކުން ނުވަތަ ވަކި މުއައްސަސާއެއްގައި ހިމެނޭ އޮފިސަރަކު ޝާމިލުވާ، އަދި އެފަރާތެއްގެ ނިންމުމަކާބެހޭ ގޮތުން ތައުނުކުރެވޭ އަމަލު ނިސްބަތްވާ ފަރާތް ކަމަށްވާނަމަ އެފަރާތެއް އެ ދައުވާ ރައްދުވާ ފަރާތެއްގެ ގޮތުގައި ހިމެނުމަކީ އެންމެ ރަނގަޅު ގޮތެވެ. ނަމަވެސް އެ އަމަލަކީ ވަކި މީހަކަށް ޚާއްސަކޮށްގެން އެމީހެއްގެ އަމަލު ތައުނުކުރުމަށް ހުށަހެޅޭ މައްސަލައެއް ކަމުގައިވާނަމަ އެ މީހެއްގެ މައްޗަށް އެކަނި ރައްދުވާ ގޮތަށް ދުސްތޫރީ މައްސަލައެއް ހުށަހެޅިދާނެއެވެ. މި މައްސަލައިގައި ހިމެނޭ އަމަލަކީ ހަމައެކަނި ޔައުގޫބު ޢަބްދުﷲ އަށް ނިސްބަތްކުރެވޭ އަމަލެއްކަމުން އަދި އެއީ އެ އަމަލާމެދު އޭނާއަށް ނޫނީ ޖަވާބުދާރީ ނުވެވޭނެ މައްސަލައެއް ކަމަށްވާތީވެ، އަދި ޚާއްސަކޮށް އެ މައްސަލައަކީ ގާނޫނުއަސާސީގެ 74 ވަނަ މާއްދާގެ ދަށުން ނުވަތަ ގާނޫނުއަސާސީގެ 113 ވަނަ މާއްދާގެ ދަށުން ހުށަހެޅޭ މައްސަލަތައް ފަދަ ވަކި މީހަކަށް ނިސްބަތްކުރެވޭ މައްސަލައެއް ނަމަ، އޭނާއަށް އެކަނި ރައްދުވާގޮތަށް މި ފަދަ މައްސަލަތައް ހުށަހެޅިދާނެއެވެ.

ދައުވާ ފޯމުގައި ބަޔާންކޮށްފައިވާ ތަފްސީލަށް ބަލާއިރު ޔައުގޫބު ޢަބްދުﷲ ގެ މައްޗަށް މި މައްސަލަ ހުށަހެޅުނު ސަބަބު ސާފުކޮށް ބަޔާންކޮށްފައި އޮތުމުން، ދައުވާ ފޯމުގެ ދައުވާ ރައްދުވާ ފަރާތުގެ ނަން ޖަހަން އޮތް ތަނުގައި އޭނާގެ މަގާމު ނުލިޔުނު ނަމަވެސް މި މައްސަލަ ރައްދުވަނީ ކޮން ފަރާތަކަށް ކޮން ހައިސިއްޔަތަކުން ކަން އޮޅުމެއް ނެތި އެނގެއެވެ. ވަކި ފަރާތަކަށް އެފަރާތުގެ އަމަލަކާ ގުޅިގެން ހުށަހެޅޭ ދުސްތޫރީ މައްސަލައެއްގައި ދައުލަތުގެ ބަންޑާރަ ނާއިބުގެ ރައުޔެއް ދޭން ޖެހޭކަމަށް ދައުލަތުގެ ބަންޑާރަ ނާއިބަށް ނުވަތަ އެނޫންވެސް ފަރާތަކަށް ފެންނަ ނަމަ މައްސަލައިގެ ތެރެއަށް ތަދައްޚުލުވުމުގެ ފުރުސަތު އެފަރާތަކަށް އޮންނާނެއެވެ. އަދި އެ މައްސަލައިގައި ބަންޑާރަ ނާއިބުގެ ރައުޔެއް ދޭން ޖެހޭކަމަށް ނުވަތަ އެނޫންވެސް ފަރާތެއްގެ ރައުޔު ބޭނުންވާ ކަމަށް ކޯޓަށް ފެންނަ ނަމަ އެ މައްސަލައެއްގެ ތެރެއަށް އެފަރާތެއް ތަދައްޚުލު ކުރުވުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.

ވަގުތީ އަމުރު

މި މައްސަލައިގައި ވަގުތީ އަމުރެއް ނެރެދިނުމަށް މި މައްސަލަ ހުށަހެޅި ފަރާތްތަކުން ސުޕްރީމް ކޯޓުގައި އެދިފައިވެއެވެ.

މި މައްސަލަ ހުށަހެޅި މުޙައްމަދު ޙަލީމްގެ ފަރާތުން ބުނެފައިވަނީ ޔައުގޫބު ޢަބްދުﷲ ގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާ މެދު ސުވާލު އުފެދިފައިވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީތަކާއި އެކިއެކި ބައްދަލުވުންތަކުގައި އަދި އެކިއެކި ނިންމުންތަކުގައި ޔައުގޫބު ޢަބްދުﷲ ބައިވެރިވުމަކީ އެކަންކަމުގެ ސައްހަކަމާމެދު ސުވާލު އުފެދިދާނެ ކަންކަން ކަމަށެވެ. އެހެންކަމުން އެފަރާތުން އެދިފައިވަނީ ސުޕްރީމް ކޯޓުން މި މައްސަލަ ނިމެންދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ޔައުގޫބު ޢަބްދުﷲ ބައިވެރިވުން މަޑުޖައްސާލުމުގެ އަމުރެއް ނެރެދިނުމަށެވެ.

ވަގުތީ އަމުރެއް ނެރެދިނުމަށް އެދި އަސްޢަދު ޝަރީފްގެ ފަރާތުން ހުށަހެޅި ހުށަހެޅުމުގައި އެދިފައިވަނީ ޔައުގޫބު ޢަބްދުﷲ ގެ މެންބަރުކަމާމެދު ސުވާލު އުފެދިފައިވާތީވެ، އަދި މި މައްސަލައަކީ ގަޟާއީ ހައްލެއް ލިބެންޖެހޭ މައްސަލައަކަށްވާތީވެ، ގާނޫނުއަސާސީގެ ސިޔާދަތު ހިފެހެއްޓުމަށާއި، ގާނޫނުގެ ވެރިކަން ނެގެހެއްޓުމަށާއި، މައްސަލައިގެ މައުޟޫއީ ހައްލާއި ހިސާބަށް ވާސިލުވާއިރު ތަދާރުކު ނުކުރެވޭ ފަދަ ގެއްލުންތަކެއް ދުސްތޫރީ ނިޒާމަށް ކުރިމަތިވެދާނެ ކަމަށް ބެލެވޭތީވެ، މައްސަލައިގައި މައުޟޫއީ ގޮތުން ހުކުމްކުރެވެންދެން، ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު ޢަބްދުﷲ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ވަޒީފާއަށް ނިކުތުން ހުއްޓުވައި ދިނުމަށެވެ.

ވަގުތީ އަމުރަކީ ނުވަތަ މައްސަލައެއްގެ ޝަރީއަތް ނިމެންދެން އެ މައްސަލައިގެ މައުޟޫއުގެ ތެރޭގައި ހިމެނޭ ކަމެއް ވަކިގޮތަކަށް ބޭއްވުމަށް ނުވަތަ އެ މައްސަލައިގެ މައުޟޫއުގައި ހިމެނޭ ހާލަތެއް އެއޮތް ގޮތަށް ދެމެހެއްޓުމަށް އަންގައި ކޯޓުން ނެރޭ އަމުރަކީ އޭގެ ތޮބީއަތަށް ބަލާއިރު އަދާލަތުގެ ހައްލެކެވެ. މިފަދަ އަދާލަތުގެ ހައްލު ދިނުމުގެ އިޚްތިޔާރު ޝަރީއަތްކުރާ ކޮންމެ ފަނޑިޔާރަކަށް ލިބިގެންވެއެވެ. އެއީ ދުސްތޫރީ މައްސަލައެއް ކަމަށް ވިޔަސްމެއެވެ. ގާނޫނުއަސާސީގެ 144 ވަނަ މާއްދާގެ ދަށުން ދުސްތޫރީ މައްސަލަތައް ބެލުމުގެ ބާރު ސުޕްރީމް ކޯޓަށް ދީފައިވާއިރު އެ މާއްދާގެ (ށ) ގައި ބުނެފައިވަނީ ދުސްތޫރީ މައްސަލަތަކާ ގުޅިގެން އަދުލުވެރި އެހެނިހެން އަމުރުތައް ނެރުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިގެންވާ ކަމަށެވެ. އެފަދަ އަމުރުތަކުގެ ތެރޭގައި ވަގުތީ އަމުރު ނެރުމާއި ކަންކަން ހުއްޓުވުމުގެ އަމުރުތައް ނެރުމާއި ސުޕްރީމް ކޯޓަށް އަދުލުވެރިކަމަށް ފެންނަ ބަދަލެއް ދިނުމަށް އަމުރުކުރުމުގެ ބާރު ހިމެނެއެވެ.

ދުސްތޫރީ މައްސަލައެއްގައި ވަގުތީ އަމުރެއް ނެރުމުގައި، ވަގުތީ އަމުރަކަށް އެދި ހުށަހަޅާ ހުށަހެޅުމުގައި ތިންކަމެއް ފުރިހަމަވޭތޯ ކޯޓުން ބަލަންވާނެއެވެ. ފުރަތަމަ ކަމަކީ އެ މައްސަލައަކީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ބަލާނޭ ދުސްތޫރީ ބަހުސެއް އުފެދޭ މައްސަލައެއް ކަމުގައިވުމެވެ. ދެވަނަ ކަމަކީ ވަގުތީ އަމުރެއް ނުނެރެފިނަމަ އެ މައްސަލައިގެ ފައިސަލާކުރަނިވި ހުކުމް އަންނައިރު އެ މައްސަލައިގެ މައުޟޫއުގައި ހިމެނޭ ކަމުގެ މުއާލާތް ކެނޑިގެން ހިނގައިދާނެތޯ ނުވަތަ ނޫންތޯ ބެލުމެވެ. ތިންވަނަ ކަމަކީ އެ އަމުރެއް ނެރުމަކީ އާންމު މަސްލަހަތު ދެމެހެއްޓުމަށްޓަކައި ކޮންމެހެން ނެރެންޖެހޭ އަމުރެއްތޯ ބެލުމެވެ.

ހުށަހެޅިފައި މިވާ މައްސަލައިގައި ވަގުތީ އަމުރެއް ނެރެދިނުމަށް މައްސަލަ ހުށަހެޅި ފަރާތްތަކުން އެދިފައިވާއިރު، އިސްވެ ދިޔަ ޕެރެގްރާފުގައި ބަޔާންކޮށްފައިވާ ވަގުތީ އަމުރު ނެރުމުގައި ފުރިހަމަވާންޖެހޭ ކަމަށް ބަޔާންކުރި ކަންތައްތަކުގެ ތެރެއިން، މި މައްސަލައިގެ ހުކުމް އަންނައިރު އެ މައްސަލައިގެ މައުޟޫއުގައި ހިމެނޭ ކަމުގެ މުއާލާތް ކެނޑިގެން ހިނގައިދާނެ އެއްވެސް ކަމެއް ހިމެނޭކަން މައްސަލަ ހުށަހެޅި ފަރާތުގެ ހުށަހެޅުމުގައި ބަޔާންކޮށްފައި ނެތެވެ. އަދި ވަގުތީ އަމުރެއް ނެރުމަކީ އާންމު މަސްލަހަތު ދެމެހެއްޓުމަށްޓަކައި މި މައްސަލައިގައި ކޮންމެހެން ބޭނުންވާ ކަމެއްކަން މައްސަލަ ހުށަހެޅި ފަރާތްތަކަށް ބަޔާންކޮށްދެވިފައި ނެތެވެ.

މައްސަލައިގެ މައުޟޫއީ ކަންކަން

ދެފަރާތުގެ ގާނޫނީ ޖަދަލު

މައްސަލަ ހުށަހެޅި ފަރާތްތަކުން މައްސަލަ ހުށަހަޅަމުން ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު ޢަބްދުﷲ ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރުކަމުގައި ހުރެ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ) ގެ 3 ވަނަ ނަންބަރާއި، 8 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާފަދަ މަގާމަކަށް އައްޔަނުވެ، އެ މަގާމު ގަބޫލުކޮށްފައިވާތީ އެކަމަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ކުރުން މަނާކަމެއް ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ކުރުން މަނާކަމެއް ޔައުގޫބު ޢަބްދުﷲ ކޮށްފައި ވުމުން ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ގޮނޑި ހުސްވެއްޖެކަމާމެދު ޚިލާފް އުފެދިފައިވާ ކަމަށާއި، ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު ޢަބްދުﷲ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިކުރަންޖެހިއްޖެ ކަމަށެވެ.

ދައުވާގެ ދިފާއުގައި މައްސަލަ ރައްދުވާ ޔައުގޫބު ޢަބްދުﷲ ގެ ފަރާތުން ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު ޢަބްދުﷲ އަކީ އޮޑިޓަރެއް ކަމަށާއި، އޭނާއަކީ އެ ގާނޫނުގެ 3 ވަނަ ބާބުގެ ދަށުން އިންސްޓިޓިއުޓްގެ މެންބަރަކަށްވުމުގެ ޝަރުތު ފުރިހަމަވާ މީހެއް ކަމަށެވެ. އަދި އެ ގާނޫނުގެ ދަށުން އުފެއްދި ވަގުތީ ކައުންސިލަށް ޔައުގޫބު ޢަބްދުﷲ ގެ ނަން ހުށަހެޅުނީ އޭނާއަކީ އޮޑިޓަރަކަށްވާތީ ކަމަށެވެ. މީގެ އިތުރުން ޔައުގޫބު ޢަބްދުﷲ ގެ ފަރާތުން ބުނެފައިވަނީ މި ގާނޫނުން އުފައްދާފައިވަނީ ދައުވާކުރުމާ ދައުވާ ލިބިގަތުމުގެ ބާރު ލިބިގެންވާ މިނިވަން އިންސްޓިޓިއުޓެއް ކަމަށާއި އެ އިންސްޓިޓިއުޓް ހިންގާނީ ގާނޫނުގައިވާ ގޮތުގެމަތިން އެކުލަވާލެވޭ ކައުންސިލުން ކަމަށާއި، މި ބުނެވުނު ކައުންސިލްގެ މެންބަރުކަމުގެ ގޮތުގައި ހިމެނުމަކީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ) ގެ 3 ވަނަ ނަންބަރުގައި ބުނެފައިވާ "މުސްތަޤިއްލު ކޮމިޝަނެއްގެ މެންބަރުކަން" ނުވަތަ "މުސްތަޤިއްލު މަގާމެއް" ނުވަތަ އެ އަކުރުގެ 8 ވަނަ ނަންބަރުގައި ބުނެފައިވާ ފަދަ "ދައުލަތުގެ އެހެން ވަޒީފާއެއް" ނޫން ކަމަށެވެ.

ދައުވާގެ ޖަވާބުގެ ތަފްސީލު ދެމުން ޔައުގޫބު ޢަބްދުﷲ ގެ ފަރާތުން ބުނެފައިވަނީ، 'ކޮމިޝަން' މި ބަހަކީ ދިވެހިރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓުންގެ ގާނޫނުގައި އެއްގޮތަކަށްވެސް ބޭނުންކޮށްފައި އޮތް ބަހެއް ނޫން ކަމަށެވެ. އެ ގާނޫނު އޮތް ގޮތުން 'މުސްތަޤިއްލު' ކަމަށް ބުނެފައި އޮންނަނީ އެ ގާނޫނުން އުފައްދާ 'އިންސްޓިޓިއުޓް' އެވެ. 'އިންސްޓިޓިއުޓް' އަކީ ކޮބައިތޯ ބަލާއިރު، އެއީ ވަކި ފަންނެއްގައި ހަރަކާތްތެރިވާ މީހުންގެ ތެރެއިން ގާނޫނުގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަވާ، އިންސްޓިޓިއުޓްގައި ބަޔާންކުރާ އެންމެނެވެ. އެ އިންސްޓިޓިއުޓްގެ މެންބަރަކަށް ވުމުގެ ހަމައެކަނި މާނައަކީ އެ ފަންނުގައި އޭނާ ހިމެނުމެވެ. އެހެންކަމާއެކު، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު، އެކައުންޓިންގ ދާއިރާގެ ފަންނު ރެގިއުލޭޓް ކުރާ އިންސްޓިޓިއުޓްގެ މެންބަރަކަށްވުން ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ) ގެ 3 ވަނަ ނަންބަރުން މަނާ ނުކުރާއިރު، އެ އިންސްޓިޓިއުޓްގެ އިންތިގާލީ ކައުންސިލްގެ މެންބަރަކަށްވުން ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ) ގެ 3 ވަނަ ނަންބަރު މާނަކޮށް ބަލާނެ ގާނޫނީ ހަމައަކީ ކޮބައިކަން މައްސަލަ ހުށަހެޅި ފަރާތުން ބުނެ ދީފައި ނެތެވެ. އެހެނީ އެ ގާނޫނުގައި މުސްތަގިއްލު ޝަޚްސެއްކަމުގައި ކަނޑައަޅާފައިވަނީ، އެ އިންސްޓިޓިއުޓްއެވެ. ޔައުގޫބު ޢަބްދުﷲ ގެ މެންބަރުކަން ގެއްލިއްޖެކަމަށް މައްސަލަ ހުށަހަޅާ ފަރާތުން ދެކެނީ އެ އިންސްޓިޓިއުޓަކީ މިނިވަން މުސްތަގިއްލު ތަނެއް ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާތީ އެވެ. ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ "ކޮމިޝަން" ތައް އެކުލަވާލުމަށް ކަނޑައެޅިފައިވާ އިޖުރާއަތުތަކާއި، އެ ކޮމިޝަންތަކަށް މެންބަރުން އައްޔަންކުރެވޭ ގޮތާއި، މި އިންސްޓިޓިއުޓް އާއި، އިންސްޓިޓިއުޓްގެ ކައުންސިލް އެކުލަވާލެފައިވާ ގޮތުގާއި މެންބަރުން އައްޔަންކުރެވޭ ގޮތާއި ތަފާތުތަކެއް އެބަހުއްޓެވެ. މިކަމުން އަންގައިދެނީ މި އިންސްޓިޓިއުޓަކީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ) ގެ 3 ވަނަ ނަންބަރުގައި ބުނެފައިވާ ފަދަ ނުވަތަ ގާނޫނުއަސާސީގައި ތަސައްވަރުކޮށްފައިވާފަދަ މުސްތަގިއްލު ކޮމިޝަނެއް ނޫންކަމެވެ.

މައްސަލަ ރައްދުވާ ޔައުގޫބު ޢަބްދުﷲ ގެ ފަރާތުން އިތުރަށް ބުނެފައިވަނީ، އިންސްޓިޓިއުޓްގެ މެންބަރުކަން ނުވަތަ ކައުންސިލްގެ މެންބަރުކަމަކީ މުސްތަގިއްލު ކޮމިޝަނެއްގެ މެންބަރުކަން ނުވަތަ މުސްތަގިއްލު މަގާމެއް ކަމުގައި ނުވާއިރު، ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ) ގެ ބޭނުމަށްޓަކައި ދެން ބަލަންޖެހެނީ އެއީ އެ މާއްދާގެ 8 ވަނަ ނަންބަރުގައި ބުނާ ދައުލަތުގެ ވަޒީފާއަކަށްވޭތޯއެވެ. މިކަމަށް ބަލާއިރު، "ދައުލަތުގެ ވަޒީފާ" އަކީ ކޮބައިކަން ގާނޫނުއަސާސީގައި މާނަކޮށްދީފައެއް ނުވެއެވެ. ދައުލަތުގެ ވަޒީފާއަކަށް ވާނީ ދައުލަތުގެ މުއައްސަސާއެއްގެ ވަޒީފާއަކަށެވެ. ވަކި ދާއިރާއެއް، ނުވަތަ ވަކި ފަންނެއްގެ ބަޔަކު ސެލްފް ރެގިއުލޭޓްވުމަށްޓަކައި އެކުލަވާލެވޭ ފަންނީ އިންސްޓިޓިއުޓަކީ ނުވަތަ އެ އިންސްޓިޓިއުޓް ހިންގާ ކައުންސިލް އަކީ ދައުލަތުގެ އިދާރާއެއް ނޫނެވެ. މަތީގައި ބުނެވުނު ނުކުތާތަކަށް ބަލާއިރު، "އިންސިޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް" އަކީ "މުސްތަގިއްލު ކޮމިޝަނެއް" ނުވަތަ "މުސްތަގިއްލު މުއައްސަސާއެއް" ކަމަށް ނުވަތަ "ދައުލަތުގެ އިދާރާ" އެއް ކަމަށް މާނަކުރެވެން ނެތަތީ "އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް" ގެ ކައުންސިލްގެ މެންބަރުކަމަކީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ) ގެ (3) ވަނަ ނަންބަރާއި، (8) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ މަގާމެއްކަމަށް ނުބެލެވޭނެއެވެ.

މައްސަލަ ރައްދުވާ ޔައުގޫބު ޢަބްދުﷲ ގެ ފަރާތުން އިތުރަށް ބުނެފައިވަނީ، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ގާނޫނުގެ 8 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ އުސޫލު މި މައްސަލައިގެ ހާލަތަށް ތަތުބީގުކުރާއިރު، ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގައި އެ ވަނީ މެންބަރުކަން ގެއްލޭނޭ ހާލަތުތައް ކަނޑައެޅިގެން ބަޔާންކޮށްފައެވެ. އެހެންވީމާ އެ މާއްދާގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ހާލަތުތައް ނޫން ހާލަތެއްގެ ނަތީޖާއަކީ މެންބަރުކަން ގެއްލުންކަމަށް މާނަކުރުމަކީ ގާނޫނުއަސާސީގައި ކަނޑައެޅިފައި އޮތް މިންވަރަށްވުރެ ފުޅާ މާނަކުރުމަކަށްވާނެއެވެ. ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) އާ މެދު ރައްޔިތުންގެ މަޖިލީހުން ގަސްތުކުރި މާނައަކީ ކޮބައިކަންވެސް ބަލަންޖެހެއެވެ. މިގޮތުން ބަލާއިރު، ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ 204 ވަނަ ޖަލްސާގައި މި މާއްދާއާ ގުޅޭގޮތުން މެންބަރުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، މެންބަރުންގެ މަގުސަދަކަށްވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މެންބަރުކަމުގެ މަސައްކަތަށް ވީހާވެސް ގިނަ ވަގުތެއް ދެވޭނޭ ގޮތަށް ކަންކަން އިންތިޒާމުކުރުމާއި، ދައުލަތުގެ ބާރުތައް ވަކިވެފައިވާކަން ކަށަވަރުކުރެވުމެވެ. އަދި މެންބަރުން ބާރު އަޅާފައި އޮތީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ފަސޭހައިން ގެއްލިގެންދާނޭފަދަ ގޮތަކަށް އެއްވެސް މާއްދާއެއް ގާނޫނުއަސާސީގައި ނުބޭއްވުމަށެވެ. މިގޮތުން ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ އައްޑުއަތޮޅުގެ މެންބަރު ޙުސްނުއްސުޢޫދު ރައްޔިތުންގެ ޚާއްސަ މަޖިލީހުގައި ވާހަކަ ދައްކަމުން "ސެކިއުރިޓީ އޮފް ޓެނިޔޯ" ގެ މުހިންމުކަން ފާހަގަކޮށްފައިވެއެވެ. މެންބަރުން ވަކިކުރުމުގެ ވާހަކަ ދައްކައި، އެކަމުގެ ފުޅާ ހާލަތުތަކެއް ގާނޫނުއަސާސީގައި ބަޔާންކުރުމަށް ހުށަހެޅުނު އިސްލާހުތަކަށް ތާއީދު ނުކުރާ ވާހަކަ ބުނެ، މެންބަރުންގެ އިމްތިޔާޒުގެ ދާއިރާ ހަނިނުކުރުމަށް ބާރު އަޅާފައިވެއެވެ. ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ 204 ވަނަ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާގެ މެންބަރު ފާޠިން ޙަމީދު ވަނީ 73 ވަނަ މާއްދާގެ (ރ) ގެ 1 ވަނަ ނަންބަރު (ވަޒީރުންގެ މަޖިލީހުގެ މެންބަރަކަށްވުން) އެ އަކުރުން އުނިކޮށް އެ މާއްދާގެ (ނ) އަށް ބަދަލުކުރުމަށް އިސްލާހެއް ހުށަހަޅާފައެވެ. އެ އިސްލާހު ހުށަހެޅި ސަބަބުގެ ގޮތުގައި ބުނެފައިވަނީ:

"......މިގޮތަށް އަޅުގަނޑު މި ހުށަހަޅާ ދެ ސަބަބެއް އެބައޮތް. އެއް ސަބަބަކީ 4 ވަނަ މާއްދާގެ (ނ) އާއި (ރ) މި ދެ ބައި އެކުގައި ކިޔުއްވާލެއްވީމާ ފެނިވަޑައިގަންނަވާނެ، މީގައި ފުރަތަމަ (ނ) ގައި މި އޮންނަނީ އަންނަނިވި ޙާލަތުންކުރެ ޙާލަތެއްގައި މީހަކު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ބައިވެރިއެއް ނުވެވޭނެއޭ. އެހެންވީމާ، އެ މަގާމެއްގައި ހުންނައިރު ބައިވެރިނުވެވޭނޭ ވާހަކަ މިއަންނަނީ. އެހެންވީމާ، އެގޮތުން ރިޔާސީ ނިޒާމަކަށް މިހާރު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ފާސްކޮށްފައި އޮތުމާ އެކީގައި ދެ ބާރު ވަކިކުރުމުގެ ގޮތުން މިގޮތަށް ކުރިމަތި ނުލެވޭނޭކަމަށް އަޅުގަނޑަށް ފެންނާތީ އެގޮތަށް ކުރިމަތިނުލެވޭ މަގާމުތަކުގެ ތެރެއަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން އެ ހުށަހެޅުމުގެ ގޮތުން މިއޮތީ. މިހާރު ޑްރާފްޓްގައި ހުށަހެޅިފައި އޮތްގޮތުން (ރ) ގައި މިއޮންނަ ގޮތުން ވެއްޖިއްޔާ މި އޮންނަނީ ކުރިމަތިލެވޭ ގޮތަށް، އެހެންނަވެސް ކުރިމަތިލުމަށްފަހު އިންތިޚާބު ވުމަށްފަހު އޭނާ ވަކިވެވަޑައިގަންނަވަންޖެހޭ ގޮތަށް........"

ރައީސުލްޖުމްހޫރިއްޔާގެ މެންބަރު ފާތިން ހަމީދު ދައްކާފައިވާ ވާހަކައަށް ބަލާއިރު، ފުރަތަމަ ކަމަކަށް ފާހަގަކުރެވެނީ، ރައްޔިތުންގެ މަޖިލީހުގެ ބާބުގެ ޑްރާފްޓްގެ 4 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވާ ހާލަތްތަކުގައި ހުރި މީހަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ކުރިމަތި ނުލެވުނު ކަމުގައިވީނަމަވެސް އެ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި ހުންނަ މީހަކަށް ކުރިމަތިލެވުން އެއީ މެންބަރުންގެ ވިސްނުންކަމެވެ. ދެވަނަ ކަމަކަށް، (ރ) ގައި ބަޔާންކޮށްފައިވާ ފަދަ ހާލަތެއްގައި ހުރި މެންބަރަކު ރައްޔިތުންގެ މަޖިލީހަށް ހޮވިއްޖެނަމަ، އޭނާ އިންތިޚާބުވާ ވަތުގުން ފެށިގެން، ކުރިން އޭނާ ހުރި މަގާމު ދޫކޮށްލަންޖެހޭނޭކަމަށް މެންބަރުން ދެކޭކަމެވެ. އެފަދަ މަގާމެއްގެ ސަބަބުން މެންބަރުކަމަށް އަސަރުކުރާނޭކަމަށް ޚާއްސަ މަޖިލީހުގެ މެންބަރުން ނުދެކެއެވެ. ރައްޔިތުންގެ މަޖިލީހުގެ ބާބުގެ ޑްރާފްޓްގެ 4 ވަނަ މާއްދާގެ (ރ) ގައި ބުނެފައިވާފަދަ މަގާމަކަށް އައްޔަނުވުމުގެ ނަތީޖާއަކީ އެއްވެސް ހާލެއްގައި މެންބަރުކަމުން ވަކިވުން ކަމަށް ގާނޫނުއަސާސީ އެކުލަވާލި މަޖިލީހުގެ މެންބަރުން ނުދެކެއެވެ. މެންބަރުކަމުގައި ހުރެ އަދާނުކުރެވޭނޭ ކަމަށް ބުނެފައިވާ މަގާމަކަށް އައްޔަނުކުރެވިގެން އުފެދޭ ޚިލާފެއްގެ ނަތީޖާއަކަށްވާނީ ފަހުން އައްޔަނުކުރެވުނު މަގާމު ދޫކޮށްލަން ޖެހުމެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް އެކަމުން ކުރާނޭ އަސަރެއް ނެތެވެ. އަދި އެއީ ގާނޫނުއަސާސީ އެކުލަވާލި މަޖިލީހުން ތަސައްވަރުކޮށްފައި އޮތް ނަތީޖާއެއްވެސް ނޫނެވެ.

މައްސަލަ ރައްދުވާ ޔައުގޫބު ޢަބްދުﷲ ގެ ފަރާތުން އިތުރަށް ބުނެފައިވަނީ، ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށްހުރެ، ކޮށްގެން ނުވާނެކަމަށް ގާނޫނުއަސާސީ ބަލައި ގަންނަ ކަންކަމުގެ ވާހަކައެވެ. އެއިން ކަމެއް ކޮށްފިނަމަ، ވާނޭ ގޮތެއް ނުވަތަ އަމަލުކުރަންޖެހޭ ގޮތެއް އެ އަކުރުގައި ބަޔާންކޮށްފައިނުވެއެވެ. ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގައި މެންބަރަކު މެންބަރުކަމުން ވަކިވާނޭ ގޮތްތައް ސާފު އިބާރާތުން ބަޔާންކުރުމަށްފަހު، އެ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ކަމެއްކޮށްގެން، މެންބަރުކަމުން ވަކިވާނޭކަމަށް ނުވަތަ އެހެން ފިޔަވަޅެއްވެސް އެޅޭނެކަމަށް ގާނޫނުއަސާސީ ހެދި މީހުން ބަޔާންކޮށްފައިނުވަނީ އޮޅިގެންކަމަށް ބަލައިގެން ނުވާނެއެވެ. އެގޮތުން، އެ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ކަންކަމަކީ، މެންބަރެއްގެ ޒާތާ ނުގުޅޭ، އެފަދަ ކަމެއްކޮށްފިނަމަ، އެ ނުގުޅޭ ކަމަކުން ބަރީއަވާންޖެހޭ ކަންކަމެވެ. މެންބަރުކަމުން ވަކިވާނެ ކަމެއް ނޫނެވެ. ގާނޫނުއަސާސީގެ 73 ވަނަ މާއްދާ އާއި 74 ވަނަ މާއްދާއާ ގުޅިގެން ގާނޫނުއަސާސީ އެކުލަވާލި މަޖިލީހުގައި ދެކެވުނު ވާހަކަތައް އިސްވެ ބަޔާންކުރެވިއްޖެއެވެ. އެ ވާހަކަތަކަށް ބަލާއިރު، ޚާއްސަ މަޖިލިސް މެންބަރުން ގަސްތުކޮށްފައި އޮތީ 74 ވަނަ މާއްދާގެ ދަށުން އަމަލުކުރާނޭ ގޮތެއް ގާނޫނުގައި ކަނޑައެޅުމަށެވެ. އެކަން ޑްރާފްޓިންގ ކޮމިޓީގެ 58 ވަނަ ބައްދަލުވުމުމުގެ ޔައުމިއްޔާއިން އެނގެއެވެ. ގާނޫނުއަސާސީގެ ކަމާގުޅޭ މާއްދާތަކުގެ އިބާރާތާއި، ޑްރާފްޓިންގ ކޮމިޓީގެ ޔައުމިއްޔާތަކަށް ބެލުމުން ދޭހަވަނީ، މިފަދަ ހާލަތްތަކުގައި ނިންމުންތައް ނިންމަންވާނީ ދައުލަތުގެ ނިޒާމުތަކުގެ ތެރެއިންކަމެވެ. އެގޮތުން ޑިމޮކްރެޓިކް ބައެއް މުޖުތަމައުތަކަށް ބަލާއިރު، ޔޫރަޕިއަން ޕާލިމެންޓްގައި ހިމެނޭ، ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކުގެ މެންބަރުންވެސް، ޔޫރަޕިއަން ޕާލިމެންޓުގެ މެންބަރަކު މެންބަރުކަމާ ނުގުޅޭ މަގާމެއް ގަބޫލުކޮށްފިނަމަ، އެކަން ގަވާއިދުމަގުކުރަނީ އެ ގައުމުގެ ގާނޫނުގެ ތެރެއިންނެވެ. އަދި، މެންބަރަކު އެފަދަ މަގާމެއް ގަބޫލުކޮށްފިނަމަ، އަމަލުކުރަންޖެހޭ ގޮތް ބަޔާންކޮށް، ބައެއް ގައުމުތަކުގައި، އެ ގައުމެއްގެ ގާނޫނު ގަބޫލުކުރާ "މެންބަރުކަމާ ނުގުޅޭ" މަގާމެއް ގަބޫލުކުރާ މެންބަރަކު، އެ މަގާމު ދޫކޮށްލުމަށް ވަކި މުއްދަތެއް ދޭކަން އެނގެއެވެ. މިގޮތަށް އަމަލުކުރާ ގައުމުތަކުގެ ތެރޭގައި، ގްރީސް އާއި ފްރާންސް އާއި އިޓަލީ އާއި، ސްޕެއިން ފަދަ ގައުމަތައް ހިމެނެއެވެ. އެހެންކަމާއެކު، ޑިމޮކްރެޓިކް މުޖުމަތައުތަކާ އެއްގޮތަށް އަމަލުކުރާނަމަވެސް، ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ) ޝަރަހަކޮށް، އެ އަކުރުގައި ބަޔާންކޮށްފައިވާ ކަމެއް ކޮށްފިނަމަ، އަމަލުކުރަންޖެހޭ ގޮތް ބަޔާންކުރަންޖެހޭނީ ގާނޫނުގައި ކަން ސާފުކޮށް އެނގެއެވެ. އަދި، އެފަދަ ކަމެއް ކުރުމަކީ، އެއީ ކުއްލިއަކަށް ހިތަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާ ސަބަބެއް ނޫންކަންވެސް އެނގެއެވެ.

މައްސަލަ ރައްދުވާ ފަރާތުގެ ވާހަކަތަކަށް ޖަވާބުދެމުން މައްސަލަ ހުށަހެޅި އެއް ފަރާތްކަމަށްވާ މުޙައްމަދު ޙަލީމް ބުނެފައިވަނީ ގާނޫނުއަސާސީގެ 74 (ރ) ގައި ބުނެފައިވާ މިނިވަން މަގާމުތަކާއި މިނިވަން މުއައްސަސާތައް މާނަކުރަންވާނީ ރައްޔިތުންގެ މަޖިލިސްގެ ގަވާއިދުގެ 256 ވަނަ މާއްދާގައި ބުނެފައިވާ ގޮތަށް ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 256 (ރރ) ގައި މިނިވަން މުއައްސަސާތައް މާނަކޮށްފައިވަނީ "ގާނޫނުއަސާސީއިން ނުވަތަ ގާނޫނުން މިނިވަން މުސްތަގިއްލު މުއައްސަސާއެއްގެ ގޮތުގައި އުފައްދާފައިވާ ނުވަތަ ކަނޑައަޅާފައިވާ މުއައްސަސާތަކަށެވެ." ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 256 (ބބ) ގައި މިނިވަން މުއައްސަސާތައް މާނަކޮށްފައިވަނީ "ގާނޫނުއަސާސީއިން ނުވަތަ ގާނޫނުން މިނިވަން މުސްތަގިއްލު މަގާމެއްގެ ގޮތުގައި އުފައްދާފައިވާ ނުވަތަ ކަނޑައަޅާފައިވާ މަގާމުތަކަށެވެ."

މައްސަލަ ހުށަހެޅި މުޙައްމަދު ޙަލީމްގެ ފަރާތުން އިތުރަށް ބުނެފައިވަނީ "ދައުލަތުގެ ވަޒީފާ" މާނަކުރަންވާނީ ރައްޔިތުންގެ މަޖިލިސްގެ މެންބަރެއްގެ ހައިސިއްޔަތުން ނޫން ގޮތަކަށް މެންބަރަކު އަދާކުރާ ދައުލަތުގެ ކޮންމެ ވަޒީފާއެއް ހިމެނޭ ގޮތަށް ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނުގައި ބާރ ކައުންސިލުގެ މެންބަރުންނަށް އެއްވެސް މުސާރައެއް ނުވަތަ މާލީ އިނާޔަތެއް ނުލިބޭގޮތަށް އޮންނަ ގޮތާ ޚިލާފަށް، ދިވެހިރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން ހާޒިރުވާ ކޮންމެ ޖަލްސާއަކަށް އިންސްޓިޓިއުޓްގެ ކައުންސިލުގެ މެންބަރުންނަށް ފައިސާގެ އުޖޫރައެއް ލިބެއެވެ. މި ފައިސާއަކީ ދައުލަތުގެ ބަޖެޓުގައި ހިމެނިގެން އިންސްޓިޓިއުޓަށް ދައުލަތުން ދޭ ފައިސާ އިން ދެވޭ އުޖޫރައެކެވެ.

އިތުރަށް މުޙައްމަދު ޙަލީމުގެ ފަރާތުން ބުނެފައިވަނީ އަނާރާ ނައީމް އާއި އިބްރާހިމް މުޙައްމަދު ސޯލިޙް އާއި ޢަލީ ޙުސައިންގެ މައްސަލައިގައި ފާހަގަކުރެވޭ ނުކުތާ ތަކުގެ (ރ) ގައި ބުނެފައިވަނީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ހާލަތުތަކަކީ ހަސްރު ކުރެވިފައިވާ ހާލަތުތަކެއް ނޫން ކަމަށް ސުޕްރީމް ކޯޓުން ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ވަޒީރުންގެ މަޖިލިސްގެ މެންބަރަކު އަދާކުރުން ގާނޫނުއަސާސީއިން މަނާކޮށްފައިވާ މަގާމެއްގައި ހުރުމުން ވަޒީރުކަމުގެ މަގާމުގެ ޝަރުތު ހަމަނުވާ ކަމަށް ދާދިފަހުން ރައްޔިތުންގެ މަޖިލީހުން މާނަކޮށް، ޑރ. ޢަބްދުﷲ މަޢުޞޫމު ފުރަމުންދިޔަ އަމިއްލަ ކުންފުންޏެއްގެ މަގާމުން ވަކިވުމަށްފަހު އަލުން ވަޒީރުކަމުގެ ހުވާކުރަން ޖެހުނު ކަމަށެވެ.

މައްސަލަ ހުށަހެޅި ދެވަނަ ފަރާތް ކަމަށްވާ އަސްއަދު ޝަރީފްގެ ފަރާތުން ބުނެފައިވަނީ ގާނޫނުއަސާސީގައި ތިން ބާރު ވަކިވެފައި އޮތުމުން ރައްޔިތުންގެ މަޖިލިސްގެ މެންބަރަކަށް ދައުލަތް ހިންގާ ފަރާތުގެ ވަޒީފާއެއް އަދާކުރުމަކީ ސެޕަރޭޝަން އޮފް ޕަވަރސްގެ މަފްހޫމާއި ޚިލާފުކަމެއް ކަމަށާއި އެއް ބާރެއްގައި މަސައްކަތްކުރާ މީހުން އަނެއް ބާރުގައި މަސައްކަތްކުރުން މަނާކުރެވިފައިވާ ކަމަށެވެ. ނަމަވެސް ޔައުގޫބު ޢަބްދުﷲ މިވަނީ އެކަމާ ޚިލާފުވެ ދައުލަތުގެ ތަންފީޒީ ބައިގެ ވަޒީފާއަކާ ހަވާލުވެފައި ކަމަށެވެ. އިތުރަށް ބުނެފައިވަނީ ގާނޫނުއަސާސީގައި މަނާކޮށްފައިވާ ވަޒީފާއެއް ރައްޔިތުންގެ މަޖިލިސްގެ މެންބަރަކު އަދާކޮށްފިނަމަ ދޭނެ ޝަޒާއެއް ގާނޫނުއަސާސީގައި ބުނެފައި ނެތް ކަމަށެވެ. ނަމަވެސް ގާނޫނުއަސާސީގެ 74 ވަނަ މާއްދާގެ ނިޔަތަކީ އެފަދަ މަނާކަމެއް ކޮށްފިނަމަ އެ ފަރާތަކަށް ދޭނެ ޝަޒާއެއް ސުޕްރީމް ކޯޓުން ކަނޑައެޅުމުގެ ބާރު ގާނޫނުއަސާސީގެ 74 ވަނަ މާއްދާއިން ސުޕްރީމް ކޯޓަށް ޒިމްނީ ގޮތުން ދީފައިވާކަމަށް ގަބޫލުކުރެވޭ ކަމަށެވެ. ގާނޫނުއަސާސީގެ ދަށުން ރައްޔިތުންގެ މަޖިލިސްގެ މެންބަރަކު ކޮށްގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމެއް ކޮށްފިނަމަ އެއްވެސް ފިޔަވަޅެއް ނާޅައި ދޫކޮށްލައިގެން ނުވާނެ ކަމަށެވެ.

އަސްއަދު ޝަރީފްގެ ފަރާތުން އިތުރަށް ބުނެފައިވަނީ ގާނޫނަކުން އެ މުއައްސަސާއެއް އުފައްދައި އެ މުއައްސަސާގައި ހިމެނޭ މީހުންނަކީ މަސްއޫލިއްޔަތުތަކެއް އަދާކުރާ މީހުންކަމަށްވާނަމަ އެއީ ވަޒީފާއެއް ކަމަށް ބަލަންވާނެ ކަމަށާއި، މިނިވަން މުއައްސަސާއެއްގެ ގޮތުގައި ގާނޫނަކުން އިންސްޓިޓިއުޓެއް އުފެދިފައި އޮތުމުން، އަދި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު އިންސްޓިޓިއުޓަށް ގާނޫނުން ދީފައި އޮތުމުން އެ މުއައްސަސާގެ ކައުންސިލުގެ މެންބަރުކަމަކީ މިނިވަން މުއައްސަސާއެއްގެ މެންބަރުކަން ކަމަށް ބަލަންޖެހޭ ކަމަށެވެ. އަދި ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ) ގެ މަގްސަދަކީ ވީހާވެސް ގިނަ ވަގުތު މަޖިލިސްގެ މެންބަރުންގެ މަސައްކަތުގައި ހޭދަކުރެވޭނެ ގޮތަކަށް ހެދުމާއި ސަރުކާރުގެ ނުފޫޒުން މެންބަރުން އެއްކިބާކުރުން ކަން އެ މާއްދާގެ އެ އަކުރުން އެނގޭ ކަމަށެވެ.

މައްސަލަ ހުށަހެޅި ފަރާތުގެ މި ނުކުތާތަކުގެ ޖަވާބުގައި މައްސަލަ ރައްދުވާ ޔައުގޫބު ޢަބްދުﷲ ގެ ފަރާތުން ބުނެފައިވަނީ ގާނޫނުއަސާސީގައި ކޮންމެ މަގާމެއްގެ ޝަރުތުތައް ބަޔާންކުރުމަށްފަހު އެ މީހަކު ކުރުން މަނާ ކަންތައްތަކެއް ބަޔާންކޮށްފައިވާ ކަމަށާއި އެ ގޮތަށް އެކަން ބަޔާންކޮށްފައިވަނީ އެއިން މަނާކަމެއް ކުރުމުން އެ މީހެއްގެ މަގާމުން ވަކިކުރަންޖެހޭނެ ކަން ނުވަތަ ވަކިވާނެކަން ބަޔާންކުރުމުގެ މަގްސަދުގައި ބަޔާންކޮށްފައިވާ ވާހަކަތަކެއް ނޫންކަމަށާއި، މިފަދަ ކަންކަމަކީ ގާނޫނުތަކުންނާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ތެރެއިން ހައްލުކުރަންޖެހޭނެ ކަންކަން ކަމަށެވެ.

މައްސަލަ ހުށަހެޅި ފަރާތުގެ މި ނުކުތާތަކުގެ ޖަވާބުގައި މައްސަލަ ރައްދުވާ ޔައުގޫބު ޢަބްދުﷲ ގެ ފަރާތުން އިތުރަށް ބުނެފައިވަނީ ގާނޫނަކުން އުފައްދާ ކޮންމެ ތަނަކީ ނުވަތަ މުއައްސަސާއަކީ ދައުލަތުގެ އިދާރާއަކަށް ނުވަތަ އޮފީހަކަށް ނުވާނެ ކަމަށެވެ.

މުސްތަގިއްލު މުއައްސަސާ، މުސްތަގިއްލު މަގާމު އަދި ދައުލަތުގެ ވަޒީފާ

މައްސަލަ ހުށަހެޅި ފަރާތުން ބުނެފައިވަނީ އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް ގެ ކައުންސިލުގެ މެންބަރުކަމަކީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ) ގެ (8) ވަނަ ނަންބަރުގައި ބަޔާންކުރާ ދައުލަތުގެ ވަޒީފާ އެއް ކަމަށާއި އަދި އެއީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކުރާ މުސްތަގިއްލު ކޮމިޝަނެއްގެ މެންބަރުކަން ނުވަތަ މުސްތަގިއްލު މަގާމެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގައި މީހަކު ހުރެ އެމީހަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމުގެ ހައިސިއްޔަތުން އަދާކުރާ ދައުލަތުގެ ވަޒީފާއެއް ފިޔަވައި ދައުލަތުގެ އެހެން ވަޒީފާއެއް އަދާކުރުމާއި މުސްތަގިއްލު ކޮމިޝަނެއްގެ މެންބަރުކަން ނުވަތަ މުސްތަގިއްލު މަގާމެއް ފުރުމަކީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް މަނާކޮށްފައިވާ ކަމަކަށްވާތީވެ، މި ގަޒިއްޔާގެ ބޭނުމަށްޓަކައި، އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް ގެ ވަގުތީ ކައުންސިލުގެ މެންބަރުކަމަކީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ) ގެ (8) ވަނަ ނަންބަރުގައި ބުނާފަދަ ދައުލަތުގެ ވަޒީފާ އެއްތޯ ނުވަތަ އެ އިންސްޓިޓިއުޓްގެ ކައުންސިލުގެ މެންބަރުކަމަކީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ) ގެ (3) ވަނަ ނަންބަރުގައި ބުނާ މުސްތަގިއްލު މުއައްސަސާއެއްގެ މެންބަރުކަންތޯ ނުވަތަ މުސްތަގިއްލު މަގާމެއްތޯ ބަލަންޖެހެއެވެ.

ދައުލަތުގެ ވަޒީފާ އަކީ ކޮބާ؟

ދައުލަތުގެ ވަޒީފާ އަކީ ކޮބައިކަން ގާނޫނުއަސާސީގެ އެއްވެސް ތަނެއްގައި ބަޔާންކޮށްފައި ނެތެވެ. އެހެންކަމުން ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ) ގެ (8) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ދައުލަތުގެ ވަޒީފާގެ މަފްހޫމަކީ ކޮބައިކަން ދެނެގަތުމަށްޓަކައި އެހެން ގައުމުތަކުގެ ގާނޫނުއަސާސީތަކުގައި، މި މަގްސަދަށްޓަކައި ބޭނުންކުރާ މަފްހޫމުތަކަށް ބަލައިލުމަކީ މުހިންމުކަމެކެވެ. ރައްޔިތުންގެ ޚާއްސަ މަޖިލީހުގައި ގާނޫނުއަސާސީގެ 73 ވަނަ މާއްދާ އާބެހޭ ގޮތުން ކުރެވުނު ބަހުސްތަކުގައި މެންބަރުން ފާޅުކޮށްފައިވާ ޚިޔާލުތަކުގައި އެ މާއްދާގެ (ރ) ގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުރެ އަދާކޮށްގެން ނުވާނެ ވަޒީފާތަކެއް ހިމެނުމުގައި ރައްޔިތުންގެ ޚާއްސަ މަޖިލީހުން ހާސިލުކުރަން ބޭނުންވި މަގްސަދަކީ އިންޑިއާގެ ގާނޫނުއަސާސީގެ 102 ވަނަ މާއްދާ އާއި 191 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ "އޮފީސް އޮފް ޕްރޮފިޓް" މި މަފްހޫމު ކަމަށް ދޭހަވާ ގޮތަށް ބައެއް މެންބަރުން ވާހަކަ ދައްކާފައިވާތީވެ، އެ މަފްހޫމު އިންޑިއާގެ ޕާލިމެންޓުންނާއި އިންޑިއާގެ ސުޕްރީމް ކޯޓުން މާނަކުރާ ގޮތަށް ބަލައިލާނަމެވެ.

Satrucharla Chandrasekhar Raju v. Vyricherla Pradeep Kumar Dev and Anr މި ގަޒިއްޔާގައި ދައުވާކުރީ އިންޓަގްރޭޓެޑް ޓްރައިބަލް ޑިވެލޮޕްމެންޓް އެޖެންސީ (އައިޓީޑީއޭ) އިން ހިންގާ ޕްރައިމަރީ ސްކޫލެއްގެ ޓީޗަރަކު ޕާލިމެންޓަށް ހޮވުމުންނެވެ. އެ ޓީޗަރު، ސްކޫލްގެ ޓީޗަރުކަމަށް އައްޔަންކުރީ ސަރުކާރުގެ މުވައްޒަފެކެވެ. އެ ސްކޫލްގެ ހުރިހާ ކަމެއް ބަލަހައްޓައި ހިންގާ ފަރާތްކަމުގައިވާ ސްކޫލްގެ ގަވަރނިންގ ބޮޑީގެ މެންބަރުންނަކީ ސަރުކާރުގެ މުވައްޒަފުންނެވެ. އަދި ސަރުކާރުން އެ ސްކޫލަށް ފަންޑު ދީފައިވެއެވެ. ނަމަވެސް މި ގަޒިއްޔާގައި ކޯޓުން ނިންމާފައިވަނީ އެ ވަޒީފާއަކީ ސަރުކާރުގެ ވަޒީފާއެއް ނޫން ކަމަށެވެ. އައިޓީޑީއޭ ގެ މައްޗަށް ސަރުކާރުގެ ކޮންޓްރޯލް އޮތް ނަމަވެސް ސަރުކާރުން އެ ސްކޫލްގެ ޓީޗަރުން ސީދާކޮށް ކޮންޓްރޯލް ނުކުރެއެވެ. މީގެ އިތުރުން އެ ވަޒީފާއަށް މުވައްޒަފުން އައްޔަންކުރާ ފަރާތަކީ ސަރުކާރެއް ނޫނެވެ. މި ގަޒިއްޔާގައި އެ ވަޒީފާއަކީ "އޮފީސް އޮފް ޕްރޮފިޓް" އެއްތޯ ބަލާނެ ޓެސްޓެއް އެކަށައެޅިއެވެ. އެއީ:

އެ ވަޒީފާއަށް މުވައްޒަފު އައްޔަންކުރަނީ ސަރުކާރުންތޯ އަދި އެ ވަޒީފާއިން މުވައްޒަފު ވަކިކުރުމުގެ ބާރު ސަރުކާރަށް އޮވޭތޯ. އައްޔަންކުރާ ފަރާތުގެ މައްޗަށް ސަރުކާރުގެ ކޮންޓްރޯލް އެކަނި އޮތުމަކުން ނުފުދެއެވެ.

އެ ވަޒީފާ އަދާކުރާ މުވައްޒަފަށް މުސާރަދެނީ ސަރުކާރުގެ އާމްދަނީގެ ތެރެއިންތޯ.

މުވައްޒަފަށް ވަޒީފާދޭ ފަރާތަކީ ސަރުކާރާ މިނިވަން ފަރާތެއްތޯ.

ވަޒީފާދޭ ފަރާތުގެ މައްޗަށް ސަރުކާރުގެ ކޮންޓްރޯލް އޮތް ދަރަޖަ.

Maulana Abdul Shakur v. Rikhab Chand and Anr މައްސަލައިގައި އިސްތިއުނާފުކުރި ފަރާތަކީ ދުރުގާ ވަގުފު ކޮމިޓީ އިން ހިންގާ ސްކޫލެއްގެ މެނޭޖަރެވެ. އިންތިޚާބު ކާމިޔާބުކުރި ފަރާތް އަދާކުރަމުން ދިޔަ ވަޒީފާއަށް އޭނާ އައްޔަންކުރި ފަރާތަކީ ސަރުކާރުން އައްޔަންކޮށް ވަކި ކުރެވިދާނެ ފަރާތެއް ކަމަށްވާތީވެ، އޭނާ ޕާލިމެންޓުގެ މެންބަރުކަމުން ޑިސްކޮލިފައިވާނެ ކަމަށް ކޯޓުގައި ދައުވާކުރެވުނެވެ. ކޯޓުން ކަނޑައަޅާފައިވަނީ އެ މުވައްޒަފުގެ ވަޒީފާއަކީ "އޮފީސް އޮފް ޕްރޮފިޓް" އެއް ނޫންކަމަށެވެ. އެހެނީ އޭނާ ވަޒީފާއަށް އައްޔަންކުރި ކޮމިޓީއަކީ ސަރުކާރާ ވަކިން އުފެދިފައިވާ ވަކި ގާނޫނީ ޝަޚުސެއްގެ ކޮމިޓީއެއް ކަމަށްވާތީވެ، އިސްތިއުނާފުކުރާ ފަރާތަކީ އިންޑިއާ ސަރުކާރުން އައްޔަންކުރާ އަދި ވަކިކުރެވޭނެ މަގާމެއްގައި ހުރި މުވައްޒަފެއް ނޫންކަމަށެވެ. އަދި އޭނާއަށް މުސާރަ ދެނީވެސް އިންޑިއާ ސަރުކާރުގެ އާމްދަނީއިން ނޫން ކަމަށެވެ. މި ގަޒިއްޔާގައި އިންޑިއާގެ ސުޕްރީމް ކޯޓުން ބުނެފައިވަނީ އިންޑިއާގެ ކޯޓުތަކުން ނިންމާފައިވާ ގަޒިއްޔާތަކުގައި "އޮފީސް އޮފް ޕްރޮފިޓް" މާނަކޮށްފައި ނުވާ ކަމަށާއި، އެހެންނަމަވެސް އެ މަގާމަކީ ސަރުކާރުގެ މަގާމެއްތޯ ބަލާނެ ތަފާތު ޓެސްޓުތަކެއް ކޯޓުތަކުން އެކަށައަޅާފައިވާ ކަމަށެވެ. މިސާލަކަށް ބިހާރިލާލް ގަޒިއްޔާގައި އަންނަނިވި ޓެސްޓު އެކަށައަޅާފައި ވެއެވެ.

އައްޔަން ކުރަނީ ސަރުކާރުންތޯ.

މަގާމުން ވަކިކުރުމުގެ ބާރު ސަރުކާރަށް ލިބިގެންވޭތޯ.

މުސާރަ ދެނީ ސަރުކާރުންތޯ.

އެ މަގާމުގައި އެ މީހާ ސަރުކާރަށް އަދާކޮށްދޭ މަސްއޫލިއްޔަތެއް އޮވޭތޯ.

އެ މަގާމުގައި އަދާކުރާ މަސްއޫލިއްޔަތާއި ވާޖިބުތައް ކޮންޓްރޯލް ކުރަނީ ސަރުކާރުންތޯ.

ހަމައެގޮތަށް، ކޮމަންވެލްތު އޮފް އޮސްޓްރޭލިއާގެ ގާނޫނުއަސާސީގެ 44 ވަނަ މާއްދާގެ (iv) ގައި ބުނެފައިވާ ގޮތުން އޮފީސް އޮފް ޕްރޮފިޓް އަކަށްވާ ވަޒީފާއެއް އަދާކޮށްފިނަމަ، ޕާލިމެންޓުގެ ދެ ގޭގެ މެންބަރުކަމުން ވެސް ވަކިވާނެއެވެ. އޮސްޓްރޭލިއާގެ ހައިކޯޓުން ނިންމާފައިވާ Sky v Cleary (1992) HCA 60 ގަޒިއްޔާގައި "އޮފީސް އޮފް ޕްރޮފިޓް" މި އިބާރާތް މާނަކޮށްފައިވެއެވެ. އެ ގަޒިއްޔާގައި އިސްތިއުނާފު ރައްދުވި ފުރަތަމަ ފަރާތަކީ އެޑިއުކޭޝަން ޑިޕާޓްމަންޓުގައި ޓީޗަރެއްގެ ވަޒީފާ އަދާކުރަމުން ދިޔަ މީހެކެވެ. އޭނާ އެވަޒީފާއަށް އައްޔަންކުރީ ޓީޗިންގ ސަރވިސް ގާނޫނުގެ ދަށުން ޓީޗިންގ ސަރވިސް އިންނެވެ. އެހެން ކަމުން އޭނާއަކީ ޓީޗިން ސަރވިސްގެ މުވައްޒަފެކެވެ. އޭނާ އަކީ ދާއިމީ މުވައްޒަފެކެވެ. 1992 ގެ އާއްމު އިންތިޚާބުގައި ބައިވެރިވުމަށާއި އިންތިޚާބީ މަސައްކަތް ކުރުމަށް އިސްތިއުނާފު ރައްދުވާ ފުރަތަމަ ފަރާތް މުސާރަ ނުލިބޭ ޗުއްޓީއެއް ނެގިއެވެ. އޭނާގެ ވިސްނުމަކީ އިންތިޚާބުގައި ކާމިޔާބު ލިބިއްޖެ ނަމަ ވަޒީފާއިން ވަކިވުމެވެ. އިސްތިއުނާފު ރައްދުވާ ފުރަތަމަ ފަރާތަށް އިންތިޚާބު ކާމިޔާބުވުމުން އެ އިންތިޚާބުގައި ވާދަކުރި އެހެން ކެންޑިޑޭޓަކު ދައުވާކޮށްފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތުން "އޮފީސް އޮފް ޕްރޮފިޓް"ގެ ވަޒީފާއެއް އަދާކުރަމުންދާތީ، އިސްތިއުނާފު ރައްދުވާ ފަރާތް ޑިސްކޮލިފައިވާ ކަމަށެވެ. ކޯޓުގެ ފަނޑިޔާރުންގެ ތަނަވަސް އަޣުލަބިއްޔަތަކުން (6:1)ނިންމީ އިސްތިއުނާފު ރައްދުވާ ފުރަތަމަ ފަރާތަކީ އޮފީސް އޮފް ޕްރޮފިޓްގެ ވަޒީފާއެއްގައި ހުރި ފަރާތަކަށްވާތީ ވޯޓުލާ މީހުން ވޯޓުލުމުގައި އިސްތިއުނާފު ރައްދުވާ ފަރާތް އިޚްތިޔާރުނުކުރެވޭނެ ކަމަށެވެ. އުއްތަމަ ފަނޑިޔާރު މޭސަންއާއި ފަނޑިޔާރު ޓޫހީއާއި ފަނޑިޔާރު މެކްހިއު ބުނެފައިވަނީ އޮފީސް އޮފް ޕްރޮފިޓްގެ ތައުރީފެއް ނެތް ކަމަށާއި ނަމަވެސް އެ އިބާރާތުގެ ތެރޭގައި އާންމުކޮށް މީހުން ޕަބްލިކް ސަރވަންޓުން ކަމަށް ބަޔާންކުރާ މުވައްޒަފުންނާއި ސަރުކާރުން ދާއިމީ މުވައްޒަފުންގެ ގޮތުގައި އައްޔަންކޮށްފައިވާ ފަރާތްތައް ހިމެނޭ ކަމަށެވެ. އަދި އިނގިރޭސި ބަރުލަމާނީ ސަގާފަތުގެ ތެރެއިން އައިސްފައިވާ މި މަފްހޫމުގެ ބޭނުމަކީ ދެ ވަޒީފާއެއްގައި މީހަކު ހުރުމުން ދެ ވަޒީފާގެ ވާޖިބު ފުރިހަމައަށް އަދާކުރުމަށް އެކަށީގެންވާ ވަގުތު ނުވާނެތީ އާއި، އެ މެންބަރަކު މެންބަރުކަމުގެ ގޮތުން އަދާކުރަންޖެހޭ ވާޖިބުތަކަށް ވަޒީރުގެ ނުފޫޒު ފޯރައި މެންބަރެއްގެ މަސައްކަތް މިނިވަންކަމާއެކު އަދާކުރުމަށް ހުރަސް އެޅުމާއެކު، ސިޔާސީ ކަންކަމުން އެއްކިބާވެފައިވާ ވަކިފަރާތަކަށް ނުޖެހޭ މިނިވަން ޕަބްލިކް ސަރވިސް އެއް އޮތުމުގެ އުސޫލުތަކާ އެކަން ޚިލާފުވާނޭތީ ކަމަށެވެ.

ދެކުނު އެފްރިކާގެ ގާނޫނުއަސާސީގެ 47 ވަނަ މާއްދާގެ (1) ގެ (އޭ) ގައި ބުނެފައިވަނީ އެ މާއްދާގައި އިސްތިސްނާ ކޮށްފައިވާ މަގާމުތައް ފިޔަވައި ދައުލަތުން އައްޔަންކުރާ މުވައްޒަފުންނާއި ދައުލަތުގެ ޚިދުމަތުގައި ތިބޭ މުވައްޒަފުންގެ ތެރެއިން އެ ވަޒީފާގައިކުރާ މަސައްކަތަށް މުސާރައެއް ލިބޭ މުވައްޒަފުން ޕާލިމެންޓަށް ކުރިމަތިލުމަށް ޝަރުތުފުރިހަމަނުވާ ކަމަށެވެ. އަދި އެފަދަ ވަޒީފާއެއް އަދާކޮށްފިނަމަ އެ މެންބަރަކު ޕާލިމެންޓުގެ މެންބަރުކަމުން ވަކިވާނެ ކަމަށް 47 ވަނަ މާއްދާގެ (3) ގައި ސާފުކޮށް ބުނެފައިވެއެވެ.

14 ނޮވެމްބަރު 2007 ގައި ބޭއްވުނު ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ޖަލްސާގައި ގާނޫނުއަސާސީގެ 73 ވަނަ މާއްދާއާ ބެހޭގޮތުން މާލޭގެ މެންބަރު މުޙައްމަދު ޝިހާބު ބުނެފައިވަނީ: "މިހާރު ޑްރާފްޓް ކޮމިޓީން ހުށަހަޅުއްވާފައި އޮތްގޮތުގައި މިއޮންނަނީ، ވަރަށް ގިނަ މަގާމުތަކެއް ލިޔުއްވާފައި. ވަޒީރުންގެ މަޖިލީހުގެ މެންބަރުކަން، މުސްތަގިއްލު ކޮމިޝަނެއްގެ މެންބަރުކަން، މިހާރު ސިފައިންގެ މީހަކަށް، ސިފައިންގެ ވަޒީފާއަށް، ފުލުހުން މިހެންގޮސް ދެން އަނެއްކާ އިއްޒަތްތެރި މެންބަރުން އެބަ ހުށަހަޅުއްވާ ނާއިބުކަން. އާދެ، ރާއްޖޭގައި ވަޒީފާގެ ކަންތައްތަކާއި، ކަންތައް މިހުންނަގޮތުން ހަމަ އަޅުގަނޑުމެންނަށް ހިތަށް ނާންނަ ކަހަލަވެސް ނަން ކިޔާފައި ޕޮލިޓިކަލް މަގާމްތަކެއް ހިމަނުއްވަފާނެ. އެ މަގާމުތަކުގައި ތިއްބަވާ މެންބަރުންނަކީވެސް އަނެއްކާ ހަމަ ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ މެންބަރުންކަމުގައި ހައްދަވާފާނެ." އެގޮތަށް ބަޔާންކޮށް މާލޭގެ މެންބަރު މުޙައްމަދު ޝިހާބު ހުށަހަޅާފައިވަނީ މަގާމުތަކެއްގެ ލިސްޓު އެ މާއްދާގައި ބަޔާންކުރުމުގެ ބަދަލުގައި ގާނޫނުއަސާސީގައި ކަނޑައަޅާ އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އެ މަގާމުގައި ހުރެ ދައުލަތުން މުސާރަ ލިބޭ އެހެން އެއްވެސް ވަޒީފާއެއް އަދާކޮށްގެން ނުވާނެ ކަމަށް އެ މާއްދާގައި ބަޔާންކުރުމަށެވެ.

މާލޭގެ މެންބަރު މުޙަމަދު ޝިހާބު: "އެހެންވީމަ، މި ބޭރުގެ ގިނަ ގާނޫނުއަސާސީތަކުގައިވެސް ރިޢާޔަތްކޮށްފައި އަޅުގަނޑު މިހެން މިނިންމީ. ސްޓޭޓުން ފައިސާ ލިބިގެން ނުވަތަ މުސާރަ ލިބިގެން ސްޓޭޓްގެ ވަޒީފާއެއް އަދާނުކުރެވޭނެކަމަށް. އެހެންވީމަ، މިއިން ވަރަށް ބްރޯޑްކޮށް ހުރިހާކަމެއް މި ކަވަރވީ."

މި މާއްދާއާ ބެހޭ ގޮތުން އައްޑު އަތޮޅުގެ މެންބަރު މުޙައްމަދު އަސްލަމް ހުށަހެޅި ހުށަހެޅުމުގައި ބުނެފައިވަނީ:

"މި ބާބުގެ 4 ވަނަ މާއްދާގެ (ރ) އަށް އަޅުގަނޑު ހުށަހަޅާ އިސްލާޙަކީ މި ގާނޫނުއަސާސީގައި ކަނޑައަޅާ އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އެ މަގާމުގައި ހުރެ އަންނަނިވި ވަޒީފާތަކުންކުރެ ވަޒީފާއެއް އަދާކޮށްގެން ނުވާނެއެވެ. 1- ވަޒީރުންގެ މަޖިލީހުގެ މެންބަރުކަން. 2- ފަނޑިޔާރުކަން. 3- މުސްތަގިއްލު ކޮމިޝަނެއްގެ މެންބަރުކަން. 4- ސަރުކާރުގެ އެއްވެސް ވަޒީފާއެއް. 5- ސަރުކާރުގެ ނުވަތަ ސަރުކާރު ބައިވެރިވާ ނުވަތަ ސަރުކާރުން ހިންގާ ކުންފުންޏެއްގެ ވަޒީފާއެއް. 6- ސިފައިންގެ ވަޒީފާއެއް. 7- ފުލުހުންގެ ވަޒީފާއެއް. ދެން، އަޅުގަނޑުގެ މި އިސްލާހު ޑްރާފްޓާ ތަފާތެއް މިއަންނަނީ އަޅުގަނޑު މީގެކުރީގެ ކުރީގައި ހުށަހެޅި މާއްދާއަށް، 4 ވަނަ މާއްދާއަށް މީގެ ކުރީގައި ހުށަހެޅި އިސްލާހު، އާދެ، އެ 4 ވަނަ މާއްދާގެ (ނ) ން އަޅުގަނޑު އެވަނީ ފަނޑިޔާރުން އުނިކޮށް މި މާއްދާއަށް ގެނެސްފައި. އެހެންކަމުން، އަޅުގަނޑުގެ އިސްލާހުގައި، 4 ވަނަ މާއްދާގެ (ރ) ގެ 2 ގައި ފަނޑިޔާރުކަން އެވަނީ ހިމެނިފައި. އޭގެއިތުރަށް، ސިވިލް ސަރވިސްގެ ވަޒީފާއެއްކަމުގައި މި ޑްރާފްޓްގެ 4 ވަނަ މާއްދާގެ (ރ) ގެ 3 ގައި މިވަނީ ސިވިލް ސަރވިސްގެ ވަޒީފާއެއް. ސިވިލް ސަރވިސްގެ ވަޒީފާއެއް، އެހެން އޮތުމުގެ ބަދަލުގައި އަޅުގަނޑުގެ އިސްލާޙަކީ ސަރުކާރުގެ އެއްވެސް ވަޒީފާއެއް. ސަރުކާރުގެ އެއްވެސް ވަޒީފާއެއްކަމުގައި އަޅުގަނޑު މި އިސްލާހު ގެންނަން ދިމާވީ ސިވިލް ސަރވިސްގެ ވަޒީފާގެ ތެރޭގައި ހިމެނިގެނެއް ނުދޭ އަޅުގަނޑުގެ މައުލޫމާތުގައި ވަޒީރުންގެ ނާއިބުންނެއްވެސް. އަދި ރައީސުލްޖުމްހޫރިއްޔާގެ އެގްޒެކެޓިވް ސެކެޓްރީއިންވެސް ހަމަ ކަނޑައެޅިގެން އެބައޮތް ސިވިލް ސަރވިސްގައި ނުހިމެނޭކަމަށް. ދެން، އަޅުގަނޑުމެން އަމަލުކުރަމުން މިދާ ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގައި ރައްޔިތުންގެވެސް ހަމަ އެންމެ ބޮޑު އެދުމަކީ ވީވަރަކުން، ވީވަރަކުންނެއް ނޫން. ހަމަ އެއްކޮށް ރައްޔިތުންގެ މަޖިލިސް އެއީ މިނިވަން މުއައްސަސާއަކަށް ހެދުމަށް. މުސްތަގިއްލު މުއައްސަސާއަކަށް ހެދުމަށް. އަދި ރިޔާސީ ނިޒާމަކަށް ރާއްޖޭގެ ރައްޔިތުން ވޯޓުދީފިކަމަށް ގިނަ ބޭފުޅުން މިހާރު ވިދާޅުވަމުން ގެންދަވަނީ. އިއްޒަތްތެރި ރައީސްވެސްވަނީ މިހާރު އެކަން އިއުލާންކުރައްވާފައި އެގޮތަށް. ދެން، އެހެންވީމާ، އަޅުގަނޑުވެސް އެގޮތަށް ގަބޫލުކުރާކަމުގައި ވަނީނަމަވެސް މިހާރުން މިހާރަށްވެސް އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުންވޭ، ސަރުކާރުން ވަޒީރުކަން މިހާރުވެސް ދެމުންދާއިރު، ރައީސުލްޖުމްހޫރިއްޔާ ވަޒީރުން އައްޔަންކުރާއިރުވެސް މި ނިންމުމަށްވެސް ބެލުމެއް ނެތި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަޒީރުންކަމުގައި އައްޔަންކުރައްވަމުން އެގެންދަވަނީ. އެހެންވީމާ، ވަރަށް ބޮޑަށް ސާފުވާން އެބަޖެހޭ މިހާރުން މިހާރަށްވެސް އަދި އަޅުގަނޑުމެން ގާނޫނުއަސާސީ އިސްލާހުކުރެވޭއިރުވެސް ސަރުކާރުގެ އެއްވެސް ވަޒީފާއެއްގައި ތިބޭ ބަޔަކު ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުން ތަމްސީލުކުރަން ނުތިބޭގޮތަށް މި މާއްދާ ބައްޓަންވެގެން ދިއުން. އެހެންވީމާ، ސިވިލް ސަރވިސްއޭ ބުނުމުން އަޅުގަނޑު ދެކޭގޮތުގައި ސަރުކާރުގެ ބައެއް ވަޒީފާތަކުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން އަދިވެސް ރައްޔިތުންގެ މަޖިލީހުގައި ތިބުމުގެ ޖާގަ ލިބިގެންދޭ. އެހެންވީމާ، ހަމަ އެޖާގަ ހަމަ އެއްކޮށް ހަނިވެގެން ނެތިގެން ދިއުން އަޅުގަނޑުގެ މަޤްސަދަކީ މި އިސްލާހު ހުށަހެޅުމުގައި. ދެން، މިނޫންގޮތަކަށް، މި އިސްލާހު މިއޮތްގޮތަށް ފާސްވާކަމުގައި ވަނީނަމަ ސަރުކާރުން ހައްދަވާނެގޮތަކީ ދެން އަންނަ ރައީސުލްޖުމްހޫރިއްޔާ ނުވަތަ މިހާރު ހުންނެވި ރައީސުލްޖުމްހޫރިއްޔާވެސް އަލަށް އިންތިޚާބްކުރެވޭ ރައްޔިތުންގެ މަޖިލީހެއްގައި ތިއްބެވި ހުރިހާ މެންބަރުންނަށް ވަޒީރުންގެ ނާއިބުކަން ދެއްވަފާނެ. މިހާރުވެސް ވަރަށް ގިނަ ބޭފުޅުންނަށް އެގޮތަށް ދެއްވާފައި އެބަތިއްބެވި."

މި މާއްދާއާ ބެހޭ ގޮތުން ކޮޅުމަޑުލު ދާއިރާގެ މެންބަރު ޑރ. ހުސައިން ރަޝީދު ޙަސަން ބުނެފައިވަނީ:

"4 ވަނަ މާއްދާގެ (ރ) އަށް އަޅުގަނޑު ހުށަހަޅާ އިސްލާޙަކީ، 4 ވަނަ މާއްދާގެ (ރ) ގެ 1 ވަނަ ނަންބަރުގެ ފަހަތަށް 2 ވަނަ ނަންބަރެއްގެ ގޮތަށް އަންނަނިވި ބައި އިތުރުކޮށް އެ އަކުރުގެ ނަންބަރުތައް ތަރުތީބުކުރުން. 2- ސްޓޭޓް މިނިސްޓަރުންނާ ވަޒީރުންގެ ނާއިބުންނާ ދައުލަތުގެ އެ ފެންވަރުގެ އެހެން ވަޒީފާތައް. އަޅުގަނޑު ދަންނަވާނަން މި އިސްލާހު ހުށަހަޅަން ދިމާވާ ސަބަބު. މިއީ (ރ) ގައި މިއޮންނަނީ މި ގާނޫނުއަސާސީ ކަނޑައާޅާފައި އެހެންގޮތަށް ބަޔާންކޮށްފައި ނުވާނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އެ މަގާމުގައި ހުރެ އަންނަނިވި ވަޒީފާއިންކުރެ ވަޒީފާއެއް އަދާކޮށްގެން ނުވާނެއޭ. މިހާރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އަދާ ނުކުރެވޭނެ ވަޒީފާތައް މި ލިސްޓުގައި ބަޔާންކުރެވިފައިވަނީ. އެގޮތުން، ވަޒީރުންގެ މަޖިލީހުގެ މެންބަރަކަށް އޭނާއަށް ނުވެވޭ މިހާރު އޮތްގޮތުން. ދެން، އެކަމަކު، ނާއިބު ވަޒީރަކަށް އޭނާއަށް ވެވިދާނެ. އަދި ވަޒީރުންގެ މަޖިލީހުގެ ހިމެނޭ ބައެއް ނޫން ސްޓޭޓް މިނިސްޓަރުންނަކީވެސް އަދި ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ މިނިސްޓަރުންނަކީވެސް. އެހެންވީމާ، މިހާރު ޑްރާފްޓް މިއޮތް ގޮތުން ވަރަށް ބޮޑު ވީކްނަސްއެއް، ވަރަށް ބަލި، ދެރަކަމެއް. އޭގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުން އިސްތިސްނާކުރިއިރުގައި ވަޒީރުންގެ ނާއިބުންނެއް، ދައުލަތުގެ ވަޒީރުންނެއް، ސްޓޭޓް މިނިސްޓަރުންނެއް، އަދި އެމީހުންގެ ނާއިބުންނެއް އިސްތިސްނާ ކުރައްވާފައެއް ނެތް. އަދި އޭގެއިތުރުން، އެބަތިއްބަވާ ދައުލަތުން މުސާރަ ދެއްވާފައި ވަޒީރުންގެ ފެންވަރުގައި ތިއްބަވާ ބޭފުޅުންވެސް އިނގޭތޯ. އެހެންވީމާ، އެބޭފުޅުންވެސް އިސްތިސްނާ ނުކުރެވޭގޮތަށް ޑްރާފްޓްކުރައްވާފައި އޮތީމާ އެބައި ހިމެނުމުގެގޮތުން މި އިސްލާހު އަޅުގަނޑު ހުށަހެޅީ. ދެން، އަޅުގަނޑު ހުށަހެޅިފައި އޮތް އިސްލާހުތަކަށްވެސް އަޅުގަނޑު ހަމަ އެބަ ރިޢާޔަތްކުރަން ވަރަށް ބޮޑަށް. އެއީ، ހުށަހެޅުނު އިސްލާހުތައް އޭގެ ޖުމްލަގޮތެއްގައި ބަލައިލާއިރުގައި ހުރިހާ އިސްލާހުތަކެއްގައިވެސް ގާތްގަނޑަކަށް މިދެކެވޭނީ އެއް ވާހަކަތަކެއް. ސިވިލް ސަރވިސްގެ ވަޒީފާއެއްގައި ހުންނަ މީހަކަށްވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ސިވިލް ސަރވިސްގެ ވަޒީފާއެއްގައި ނުހުރެވޭވެސްމެ. ހަމަ އެގޮތުން، 4 ގައި އިނގޭތޯ، ޑްރާފްޓްގެ 4 ގައި އެބަބުނޭ ސަރުކާރުގެ ނުވަތަ ސަރުކާރުގެ ބައިވެރިވާ ނުވަތަ ސަރުކާރުން ހިންގާ ކުންފުންޏެއްގެ ވަޒީފާއެއްވެސް އަދާއެއް ނުކުރެވޭ. މިހާރު ސަރުކާރުގެ ވަޒީފާއަކަށްވާނެކަމަށް އަޅުގަނޑު ބަލަނީ ސިވިލް ސަރވިސްގެ ވަޒީފާވެސް އަދި ސަރުކާރުގެ ވަޒީފާއަށްވާނެ އަދުލުއިނސާފު ގާއިމްކުރުމުގެ ދާއިރާގެ ވަޒީފާއެއްވެސް. އެހެންވީމާ، ނުސީދާގޮތަކުން ގާތްގަނޑަކަށް ހުރިހާ ދައުލަތުގެ ވަޒީފާތަކެއް ހިމެނޭގޮތަށް ދިރާސާކޮށް ޑްރާފްޓްކުރާ ކޮމިޓީން ހިމެނިފައި މިއޮތީ އިނގޭތޯ. އޭގެތެރޭގައި އަޅުގަނޑު މިދެންނެވީ ހަމަ އެއްގޮތަކުން ބަލަންޏާ މި ނާއިބު ވަޒީރުންނާ ސްޓޭޓް މިނިސްޓަރުންވެސް ހިމެނިދާނެއޭ. އެކަމަކު، އެހެން ބުނާއިރުގައި ވަޒީރުން ހިމެނުން މި ލިސްޓުގައި ހިމަނާފައި މިއޮތީ ކީއްވެގެންބާއޭ. އެމީހުންނަށް ސަރުކާރު ވަޒީފާއެއް ނުވާތީބާއޭވެސް އެބަ ހިތަށްއަރާ. އެހެންވީމާ، އަޅުގަނޑު އެބަ ހައިރާންވޭ މި މައްސަލައިގައި ދިރާސާކޮށް ޑްރާފްޓްކުރާ ކޮމިޓީން މިކަމުގައި ގެންގުޅުނު ވިސްނުމަކީ ކޮބައިކަން. އެހެންވީމާ، އަޅުގަނޑު ސުވާލު އަހަން ބޭނުން ދިރާސާކޮށް ޑްރާފްޓްކުރާ ކޮމިޓީގެ މުގައްރިރު އަރިހުން، ވަޒީރުންނަކީ ސަރުކާރުގެ ވަޒީފާއެއްތޯ ނުވަތަ ނޫންތޯ. ދެން، މުސްތަގިއްލު ކޮމިޝަންތަކުގެ މެންބަރުން އެތިބެނީ ސަރުކާރު ވަޒީފާތޯ ނުވަތަ ނޫންތޯ، އަދި ހަމަ ދެން ސަރުކާރުގެ ނުވަތަ ސަރުކާރު ބައިވެރިވާ ނުވަތަ ސަރުކާރުން ހިންގާ ކުންފުންޏެއްގެ ވަޒީފާއޭ ބުނީމާ އޭގެ ދާއިރާ ވަރަށް ފުޅާވެގެން އެބަދޭ. އަޅުގަނޑު ދެކޭގޮތުގައި މިއަށް ހަމަ ވަރަށް އެކަށީގެންވާ އިސްލާހެއް ހުށަހަޅުއްވައިފި މާލޭގެ އިއްޒަތްތެރި މެންބަރު މުޙަންމަދު ޝިހާބް އިނގޭތޯ."

ރައްޔިތުންގެ ޚާއްސަ މަޖިލީހުގައި ގާނޫނުއަސާސީގެ 73 ވަނަ މާއްދާ އާބެހޭ ގޮތުން ކުރެވިފައިވާ ބަހުސްތަކުން އެނގެނީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ) ގެ އެއް މަގްސަދަކީ، ދައުލަތުގެ ބާރުތައް ވަކިކުރެވިފައިވާ ރިޔާސީ ނިޒާމެއްގައި ރައްޔިތުންގެ މަޖިލިސްގެ މެންބަރުންނަކީ ދައުލަތުގެ އެގްޒެކެޓިވް ބްރާންޗުގައި މަސައްކަތްކުރާ މީހުންނާއި މުޅިން މިނިވަން ވަކި ބަޔަކު ކަމަށް ކަނޑައެޅުން ކަމެވެ. މީގެ އިތުރުން، ރައްޔިތުންގެ މަޖިލިސްގެ މެންބަރުންނަށް ދައުލަތުގެ އެހެން ވަޒީފާއެއް އަދާކުރުން އެ މާއްދާއިން މަނާކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކީ ސަރުކާރުގެ ވަޒީފާއެއް އަދާކުރާ މެންބަރަކު ނަމަ، އެ މުވައްޒަފަކަށް ނުފޫޒު ފޯރުވުމަކީ ސަރުކާރަށް ކުރެވިދާނެ ކަމަކަށް ވާތީ އެކަން ހުއްޓުވުމަށާއި، މެންބަރުންގެ ވާޖިބުތަކުގެ ތެރޭގައި ސަރުކާރުން ކުރާ ކަންތައްތަކަށް ފާޑު ކިޔުން ހިމެނޭތީވެ، ސަރުކާރުގައި ވަޒީފާއަދާ ކުރާ މެންބަރަކަށް މިނިވަންކަމާއެކު ނުފޫޒެއްނެތި މަސްއޫލިއްޔަތު އަދާކުރެވޭނެ ގޮތް ތަނަވަސްކޮށްދީ، މެންބަރުން މިނިވަންކުރުން ކަން އެނގެއެވެ. މީގެ އިތުރުން ދައުލަތުގެ ވަޒީފާއެއް އަދާކުރާ މީހަކު ދައުލަތުގެ އިތުރު މަގާމެއް ފުރުމަކީ ވެސް ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ބަހުސްތަކުގައި މެންބަރުން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމެކެވެ.

ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ) ގެ )8( ގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވަޒީފާއެއް ފިޔަވައި ދައުލަތުގެ އެހެން ވަޒީފާއެއް އަދާކުރުމަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް މަނާކަމެކެވެ. ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ) ގައި ހިމަނާފައިވާ ވަޒީފާތަކުގެ ލިސްޓުގައި ދައުލަތުގެ ބައެއް ވަޒީފާ އާއި ސަރުކާރުގެ ބައެއް ވަޒީފާ އާއި ސަރުކާރު ނުވަތަ ސަރުކާރު ބައިވެރިވާ ނުވަތަ ސަރުކާރުން ހިންގާ ކުންފުންޏެއްގެ ވަޒީފާ އަދާކުރުމަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް މަނާކަމެއް ކަމަށް ކަނޑައަޅާފައިވެއެވެ. އެ ވަޒީފާތައް ޚާއްސަކޮށް ވަކިން ބަޔާންކުރުމަށްފަހު 73 ވަނަ މާއްދާގެ (ރ) ގައިވާ ލިސްޓުގެ އެންމެ ފުލުގައި އޮތް (8) ވަނަ ނަންބަރުގައި ދައުލަތުގެ ހުރިހާ ވަޒީފާތައް ޝާމިލުކޮށް ބަޔާންކޮށްފައިވެއެވެ. ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ޖަލްސާތަކުގައި ދެކެވުނު ވާހަކަތަކަށް ބަލާއިރު، ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ) އިން ހާސިލުކުރަން ބޭނުންވި އެއް މަގްސަދަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ސަރުކާރު ހިންގާ ފަރާތުގެ ނުފޫޒުން އެއްކިބާކުރުންކަން ސާފުކޮށް އެނގެއެވެ. ވެރިކަމުގެ ބާރުތައް ވަކިކުރެވިފައިވަނީ އެއް ބާރަކުން އަނެއް ބާރެއްގެ މައްޗަށް ނުފޫޒު ފޯރުވުން ހުއްޓުވުމަށް ކަމަށާއި އެ ސަބަބަށްޓަކައި މެންބަރުން ސަރުކާރުގެ އަދި ދައުލަތުގެ އެހެން ވަޒީފާތަކުގައި މަސައްކަތް ނުކުރެވޭނެ ގޮތް ހެދުމަކީ ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެންބަރުންގެ މަގްސަދުކަން އެނގެއެވެ.

އިސްވެދިޔަ ޕެރެގްރާފުތަކުގައި ބަޔާންކުރެވުނު ފަދައިން، ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 73 ވަނަ މާއްދާ އާއި އިންޑިއާގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ 102(1) ވަނަ މާއްދާ އާއި 191 ވަނަ މާއްދާ އާއި ކޮމަންވެލްތު އޮފް އޮސްޓްރޭލިއާގެ ގާނޫނުއަސާސީގެ 44 ވަނަ މާއްދާގެ (iv) ޑްރާފްޓް ކޮށްފައިވަނީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 73 ވަނަ މާއްދާ އާއި ތަފާތުގޮތަކަށް ކަމަށްވީ ނަމަވެސް އެ މާއްދާތަކުގައި ބަޔާންކޮށްފައިވާ "އޮފީސް އޮފް ޕްރޮފިޓް" އިން ހާސިލުކުރަން ބޭނުންވާ މަގްސަދާއި، ދެކުނު އެފްރިކާގެ ގާނޫނުއަސާސީގެ 47 ވަނަ މާއްދާގެ (1) ގެ (އޭ) އިން ހާސިލުކުރަން ބޭނުންވާ މަގްސަދާއި ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ) އިން ހާސިލުކުރަން ބޭނުންވާ މަގްސަދަކީ އެއް މަގްސަދެއްކަން ރައްޔިތުންގެ ޚާއްސަ މަޖިލީހުގައި ކުރެވުނު ބަހުސްތަކުން ދޭހަވާތީވެ، ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ) ގެ (8) ގައިވާ "ދައުލަތުގެ ވަޒީފާ" މި ލަފްޒު މާނަކުރުމަށް "އޮފީސް އޮފް ޕްރޮފިޓް" މި މަފްހޫމް އާއި ދެކުނު އެފްރިކާގެ ގާނޫނުއަސާސީގެ 47 ވަނަ މާއްދާގެ (1) ގެ (އޭ) ގައި ބަޔާންކޮށްފައިވާ މަފްހޫމުގެ އެހީތެރިކަން ހޯދިދާނެ ކަމަށް ދެކެމެވެ.

މި ބަޔާންކުރި ކަންކަމުގެ އިތުރުން، ދައުލަތުގެ ވަޒީފާއާބެހޭ އިލްމުވެރިން ބަޔާންކުރާ ގޮތުގައި ދައުލަތުގެ މުވައްޒަފުންނަކީ ސީދާގޮތުންނާއި ނުސީދާގޮތުން ދައުލަތުން ހޭދަކޮށްގެން މުދައު އުފައްދައި ޚިދުމަތް ފޯރުކޮށްދޭ މީހުންނެވެ. ޕަބިލް ސެކްޓަރގެ ވަޒީފާއަކީ ކޮބައިކަން ބަޔާންކޮށް އޮގަނައިޒޭޝަން ފޮރ އިކޮނޮމިކް ކޯޕަރޭޝަން ފޮރ ޑިވެލޮޕްމަންޓް (އޯއީސީޑީ) އިން އެކަށައަޅާފައިވާ ޑެފިނިޝަން އަކީ ވަރަށް ގިނަ ފަރާތްތަކުން ގަބޫލުކުރާ ޑެފިނިޝަން އެކެވެ. އެ ޑެފިނިޝަންގައިވާ ގޮތުން ސަރުކާރުގެ ހުރިހާ ދާއިރާތަކަކާއި ފަންތިތަކުގައި (މައި ސަރުކާރުގެ، ސްޓޭޓްގެ، ސަރަހައްދީ، ލޯކަލް)، ވުޒާރާތަކުގައާއި، އެޖެންސީތަކުގައާއި ޑިޕާޓްމެންޓުތަކުގައި މަސައްކަތްކުރާ މީހުންނާއި، ދައުލަތުން މުސާރަދީގެން ސަރުކާރުން ކޮންޓްރޯލްކުރާ ނޮން-ޕްރޮފިޓް އޮގަނައިޒޭޝަން ތަކުގެ ވަޒީފާތަކަކީ ޕަބްލިކް ސެކްޓަރގެ ވަޒީފާތަކެވެ. މި ބަޔާންކުރި ކޮންމެ އިދާރާއެއްގެ މުވައްޒަފުން އަދާކުރަނީ ދައުލަތުގެ ސިޔާދަތީ ބާރުގައި ހިމެނޭ މަސްއޫލިއްޔަތެވެ. އެ ވަޒީފާތަކުގައި ތިބޭ މުވައްޒަފުން އަދާކުރާ ދައުލަތުގެ ސިޔާދަތީ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޕަބްލިކް އެޑްމިނިސްޓްރޭޝަން އާއި، ގާނޫނު ތަންފީޒުކުރުމާއި ތައުލީމު ދިނުން ފަދަ ކަންކަން ހިމެނެއެވެ.

އިސްވެ ހަވާލާ ދެވުނު ގައުމުތަކުގެ ގާނޫނުއަސާސީ ތަކުގައި ބަޔާންކޮށްފައިވާ 'އޮފީސް އޮފް ޕްރޮފިޓް' އެ ގައުމުތަކުގެ ކޯޓުތަކުން މާނަކޮށްފައިވާ ގޮތަށާއި ގާނޫނުއަސާސީގެ 73 ވަނަ މާއްދާއާ ބެހޭގޮތުން ރައްޔިތުންގެ ޚާއްސަ މަޖިލީހުގައި ކުރެވިފައިވާ ބަހުސްތަކާއި ދައުލަތުގެ ވަޒީފާ އޯއީސީޑީ ޖަމާއަތުން މާނަކޮށްފައިވާ ގޮތަށް ބެލުމުން ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ) ގެ ބޭނުމަށްޓަކައި ދައުލަތުގެ ވަޒީފާއަކީ ކޮބައިކަން ކަނޑައެޅުމުގައި އަންނަނިވި ކަންކަމަށް ރިއާޔަތް ކުރެވިދާނެކަން އެނގެއެވެ.

(ހ)އެ ވަޒީފާގައި ކުރަންޖެހޭ މަސައްކަތަކީ ދައުލަތުގެ ސިޔާދަތީ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމެއްތޯ.

(ށ)އެ ވަޒީފާ އަދާކުރާ މުވައްޒަފަށް މުސާރަދެނީ ދައުލަތުގެ ބަޖެޓުންތޯ.

(ނ)އެ ވަޒީފާއަށް މީހުން އައްޔަނުކޮށް ވަކި ކުރަނީ ކޮން ފަރާތަކުންތޯ.

(ރ)ވަޒީފާ އަދާކުރުމާ ގުޅޭގޮތުން ނުވަތަ ވަޒީފާގެ މަސައްކަތުގައި އެ މުވައްޒަފެއްގެ މައްޗަށް ސަރުކާރުގެ ނުފޫޒު އޮވޭތޯ.

(ބ)ވަޒީފާގެ މަސްއޫލިއްޔަތުގެ ތެރޭގައި އެ މުވައްޒަފަކު ސަރުކާރަށް ކޮށްދޭންޖެހޭ ކަމެއް އޮވޭތޯ.

މި ބަޔާންކުރެވުނު ހަމަތަކަށް ބަލާއިރު ދައުލަތުގެ ވަޒީފާއަކީ ދައުލަތުގެ އެއްވެސް ބާރެއްގައި ނުވަތަ ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ އޮފީހެއްގައި ނުވަތަ އެނޫންވެސް ތަނެއްގައި ދައުލަތުން މުސާރައެއް ނުވަތަ ފައިސާގެ އިނާޔަތެއް ދޭގޮތަށް ދައުލަތުގެ އަސާސީ ފަންކްޝަންއެއް އަދާކުރަން އުފައްދާ ކޮންމެ މަގާމެކެވެ. އެއީ ވަގުތީ މަގާމެއްކަމަށް ވިޔަސް ނުވަތަ ދާއިމީ ވަޒީފާއެއް ކަމަށް ވިޔަސް މެއެވެ. އަދި ކޮންޓްރެކްޓެއްގެ ދަށުން ވަކި މުއްދަތަކަށް އަދާކުރާ ވަޒީފާއެއް ކަމަށްވިޔަސް މެއެވެ. އޭގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ ވާޖިބުތައް އަދާކުރުމަށް މުވައްޒަފުން އައްޔަން ކުރާ ހުރިހާ މަގާމުތަކާއި ސިވިލް ސަރވިސްގެ މަގާމުތަކާއި ޖުޑިޝަލް ދާއިރާގެ މަގާމުތަކާއި ޕާލިމެންޓްރީ ދާއިރާގެ މަގާމުތަކާއި ޚާރިޖީ ދާއިރާގެ މަގާމުތަކާއި ލޯކަލް ކައުންސިލުތަކުގެ މެންބަރުކަމާއި ކައުންސިލުތަކުގެ އެހެނިހެން ވަޒީފާތަކާއި ދައުލަތުގެ އަސާސީ މަސްއޫލިއްޔަތެއް އަދާކުރުމަށް ގާނޫނުއަސާސީއިން ނުވަތަ ގާނޫނަކުން އުފައްދާ މިނޫންވެސް އެންމެހައި މުއައްސަސާތަކާއި އޮފީސްތަކާއި މަގާމުތަކާއި އެފަދަ ކަންކަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދާ އެންމެހައި މުއައްސަސާތަކާއި އޮފީސްތަކާއި މަގާމުތަކާއި އެތަންތަނުގެ މުވައްޒަފުން ހިމެނެއެވެ.

ފަންނުތަކުގެ ޖަމާއަތްތައް

ޕްރޮފެޝަނަލް ބޮޑީތަކަކީ ވަކި ދާއިރާއަކުން އިލްމު އުނެގިނެން ތިބި މީހުން އެ މީހުންގެ ފަންނަށް ނިސްބަތްވާ މީހުންގެ ޕްރޮފެޝަނަލިޒަމްއާ ފެންވަރާއި އިތުބާރު ހިފެހެއްޓުމަށްޓަކައި އެ ޕްރޮފެޝަންގެ ކަންކަން އަމިއްލައަށް ހިންގައި ބެލެހެއްޓުމަށް އުފައްދާ ޖަމާއަތްތަކެވެ. މި ގޮތުން އުފެއްދޭ ބައެއް ޕްރޮފެޝަނަލް ބޮޑީތަކަކީ އެ ފަންނުގެ މީހުންގެ ޕްރޮފެޝަން މުސްތަގިއްލުކަމާއެކު އަމިއްލައަށް ރެގިއުލޭޓް ކުރުމަށް އުފައްދާ ޖަމާއަތްތަކެވެ. ނަމަވެސް މިފަދަ ޖަމާއަތްތަކަކީ ދައުލަތް ހިންގާފަރާތަށް ނިސްބަތްވާ ނުވަތަ ދައުލަތުގެ މުއައްސަސާއެއް ކަމަށް ނުވެއެވެ. ތަރައްގީވަމުން އަންނަ ގައުމުތަކުގައި މިފަދަ ޕްރޮފެޝަނަލް ފަންނުތަކާއި އެ ފަންނުގެ މީހުންގެ މަސައްކަތްތައް އެ ފަންނުގެ މީހުން އަމިއްލައަށް ރެގިއުލޭޓްކުރުމަށް ހިތްވަރުދީ އެހީތެރިވެ ދިނުމުގެ ގޮތުން މާލީ އެހީތެރިކަންދީ ގާނޫނީ ހައިސިއްޔަތެއް ދެއެވެ. އެފަދަ ފަންނުތަކުގެ ޖަމްއިއްޔާތަކަށް ގާނޫނީ ހައިސިއްޔަތެއް ދެނީ އެއީ ދައުލަތުގެ މުއައްސަސާއަކަށް ވާތީއެއް ނޫނެވެ. އެއީ ގައުމުގެ ތަރައްގީގައި މުހިންމު މަސްއޫލިއްޔަތެއް އަދާކުރާ ފަންނުތަކެއްގެ ފަންނުވެރިންނަށް ހިތްވަރު ދިނުމަށާއި ސަޕޯޓް ދިނުމަށް ކުރާ ކަމެކެވެ. އަދި އެފަންނުގެ ފަންނުވެރިންގެ ފުށުން ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ހައްގުތަކާއި މަސްލަހަތުތައް ހިމާޔަތްކުރުމަކީ ދައުލަތުގެ ޒިއްމާއެއް ކަމަށް ވާތީވެސް މެއެވެ. ރާއްޖޭގައި ގާއިމުވެފައިވާ މި ފަދަ ފަންނުވެރިންގެ ޖަމާއަތްތަކުގެ ތެރޭގައި އެކައުންޓަންޓުންގެ އިތުރުން މެޑިކަލް ޑޮކްޓަރުންނާއި ނަރުހުންނާއި ގާނޫނީ ވަކީލުންނާއި އާޓިސްޓުންނާއި އާކިޓެކްޓުންނާއި އެންޖިނިއަރުން ހިމެނެއެވެ. މި ފަންނުތަކުގެ ތެރެއިން ބައެއް ފަންނުތަކަށް ނިސްބަތްވާ ޖަމާއަތްތަކަށް ދާދިފަހަކުން ގާނޫނީ ހައިސިއްޔަތެއްދީ ދައުލަތުގެ އެހީތެރިކަން ދޭން ފަށާފައިވެއެވެ. އެއީ އެއްވެސް ގޮތަކަށް އެ ޖަމާއަތްތަކަކީ ދައުލަތުގެ އިދާރާއަކަށް ވާތީއެއް ނޫނެވެ. އެ އުސޫލުން، ދާދިފަހުން ގާނޫނަކުން އުފައްދާފައިވާ ދިވެހިރާއްޖޭގެ ބާ ކައުންސިލާއި އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް އަކީ ދައުލަތުގެ ސިޔާދަތީ މަސްއޫލިއްޔަތެއް އަދާކުރާ ދައުލަތުގެ މުއައްސަސާތަކެއް ނޫނެވެ. އަދި އެއީ ދައުލަތުގެ ނުވަތަ ސަރުކާރުގެ އޮފީހެއްވެސް ނޫނެވެ. މި ބަޔާންކުރެވުނު ޕްރޮފެޝަންތަކުގެ ޖަމާއަތްތަކަށް ގާނޫނީ ހައިސިއްޔަތު ދިނީ ދައުލަތުގެ އިދާރާތަކުން މި ފަންނުތައް ރެގިއުލޭޓްކުރުމުގެ ބަދަލުގައި އެ ޕްރޮފެޝަނުގެ މެންބަރުން އަމިއްލައަށް މުސްތަގިއްލުކަމާއެކު، ސަރުކާރުގެ ނުފޫޒުން އެއްކިބާވެ ތިބެ، އެ ޕްރޮފެޝަންތައް ރެގިއުލޭޓުކުރުމަށް ޖާގަދިނުމަށެވެ.

އެއް ނަޒަރަކުން ބަލާއިރު ޕްރޮފެޝަނަލް ބޮޑީތަކަކީ ރެގިއުލޭޓަރީ ބޮޑީ ތަކެކެވެ. ނަމަވެސް މިފަދަ ރެގިއުލޭޓަރީ ބޮޑީ ތަކަކީ ކުރިން ބަޔާންކުރި ފަދައިން ދައުލަތް ހިންގުމުގެ ނުވަތަ ސަރުކާރުގެ މަސްއޫލިއްޔަތުގެ ތެރޭގައި ކުރާ ކަންކަން ރެގިއުލޭޓްކުރާ ފަރާތެއް ނޫނެވެ. މިސާލަކަށް ސަރުކާރުގެ ކޮމިއުނިކޭޝަންސް އޮތޯރިޓީ ނުވަތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ނުވަތަ ޓްރާންސްޕޯޓް އޮތޯރިޓީ ނުވަތަ އެނާރޖީ އޮތޯރިޓީ ނުވަތަ ސިވިލް އޭވިއޭޝަން އޮތޯރިޓީއަކީ ނުވަތަ ބްރޯޑްކާސްޓިންގ ކޮމިޝަން އަކީ ސަރުކާރުން ލައިސަންސް ދީގެން އަމިއްލަ ފަރާތްތަކުން ކުރާ މަސައްކަތާއި ދޭ ޚިދުމަތުގެ ފެންވަރު ހިފަހައްޓައި، އެފަދަ ވިޔަފާރިތައް ރެގިއުލޭޓްކުރަން ގާނޫނަކުން އުފައްދާފައި ހުންނަ ރެގިއުލޭޓަރީ ބޮޑީތަކެވެ. ނަމަވެސް މި ފަދަ ދައުލަތުގެ ރެގިއުލޭޓަރީ ބޮޑީތަކުން ރެގިއުލޭޓްކުރާ ކަންކަމާއި، ޕްރޮފެޝަނަލް ފަންނުތަކުގެ އިލްމު އުނގެނިގެން ތިބޭ ފަރާތްތަކުން އެ ފަރާތްތަކުން ދޭ ޚިދުމަތް ރެގިއުލޭޓްކުރުން މިއީ ތަފާތު ދެ ކަމެކެވެ. ކުރިން މި ބަޔާންކުރި އޮތޯރިޓީތަކުގެ މަސްއޫލިއްޔަތަކީ ދައުލަތުގެ މަސައްކަތެކެވެ. ނަމަވެސް ފަންނުވެރިން ރެގިއުލޭޓްކުރަނީ އެ ފަންނުގެ އަމިއްލަ މަސައްކަތެކެވެ. އެ ފަންނުގެ މީހުންގެ އިލްމީ ފެންވަރު މަތިކުރުމާއި ޕްރޮފެޝަންގެ ހައްގުގައި ވަކާލާތުކުރުމާއި ޕްރޮފެޝަންގެ ފަރާތުން ވާހަކަ ދެއްކުމާއި ޕްރޮފެޝަންގެ އިތުބާރު ދެމެހެއްޓުމެވެ. ދައުލަތުން ދެނީ ހަމައެކަނި ގާނޫނީ ހައިސިއްޔަތާއި އެހީތެރިކަމެވެ. މިފަދަ ޕްރޮފެޝަނަލް ޖަމާއަތެއްގެ މަގާމެއް ފުރުމަކީ ދައުލަތުގެ ވަޒީފާއެއް އަދާކުރުންކަމަށް ނުބެލެވޭނެއެވެ. މިސާލަކަށް، ބާރ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުންނަށް މުސާރައެއް ނުވަތަ އެލަވަންސެއް ނުދެނީ އެހެންވެގެންނެވެ. މާލީ ހާލަތު ރަނގަޅުވެ އަމިއްލަ ފައިމައްޗަށް މިއިން ކޮންމެ ޕްރޮފެޝަނަލް ބޮޑީއަކަށް ތެދުވެވުމުން މި ފަދަ ޖަމާއަތްތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީތެރިކަމެއް ބޭނުމެއްނުވާނެއެވެ. މިއިން ކޮންމެ ޕްރޮފެޝަނަލް ބޮޑީއެއް އުފެއްދިފައިވަނީ އެ އަމާޒަށް ދަތުރުކުރުމަށެވެ.

މުސްތަގިއްލު ކޮމިޝަނެއްގެ މެންބަރު ކަމާއި މުސްތަގިއްލު މަގާމު

ގާނޫނުއަސާސީގައި މި ބަސްތަކުގެ މާނަ ދީފައި ނެތުމުން، 73 ވަނަ މާއްދާގެ (ރ) ގެ މަގްސަދަށް ބަލާއިރު މުސްތަގިއްލު ކޮމިޝަންތަކަކީ އަދި މުސްތަގިއްލު މަގާމުތަކަކީ ހަމައެކަނި ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ މަގާމުތައް ކަމަށް ބަލައި، މުސްތަގިއްލު ކޮމިޝަނާއި މުސްތަގިއްލު މަގާމުގެ މާނަ ހަނިކުރުމަކީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިނުވާ ދައުލަތުގެ މިފަދަ ކޮމިޝަން ތަކާއި މުސްތަގިއްލު މަގާމްތަކަށް މަޖިލިސްގެ މެންބަރުން އައްޔަންކުރުމަށް ދޮރު ހުޅުވިގެން ހިނގައިދާނެ ކަމެކެވެ. އެހެން އެކަން ހިނގުމަކީ އެ މާއްދާގެ މަގްސަދުކަމަކަށް ނުބެލެވެއެވެ. ޚާއްސަ މަޖިލީހުގެ ޔައުމިއްޔާތަކުން އެކަން އެނގެއެވެ. ގާނޫނުއަސާސީ އިންނާއި ބައެއް ގާނޫނުތަކުން ދައުލަތުގެ ބައެއް މަސްއޫލިއްޔަތު އުފުލުމަށްޓަކައި މުސްތަގިއްލު ކޮމިޝަންތަކާއި މުސްތަގިއްލު މަގާމުތައް އުފެއްދުމުގެ ބޭނުމަކީ ވާދަވެރި ސިޔާސީ ނިޒާމެއް ގާނޫނުއަސާސީއިން ގާއިމުކުރުމުގެ މާހައުލު ދައުލަތުގެ އޮނިގަނޑުގެ ތެރޭގައި އުފެއްދުމެވެ. ދައުލަތުގެ މުސްތަގިއްލު ބައެއް މުއައްސަސާތަކާއި މަގާމުތައް އުފައްދައި ދައުލަތުގެ ބައެއް މަސްއޫލިއްޔަތު ސިޔާސީ ޕާޓީތަކާއި ސަރުކާރުގެ ނުފޫޒާއި ކޮންޓްރޯލުން ނައްޓުވައި ސިޔާސީ ފަރާތަކަށް ނިސްބަތްނުވާ ބަޔަކު މެދުވެރިކޮށް އެ މަސްއޫލިއްޔަތު އަދާކުރުވުމެވެ. އެގޮތަށް ސިޔާސީ ޕާޓީތަކާއި ސަރުކާރުގެ ނުފޫޒުން ވީއްލިގެން، ދައުލަތުގެ ބައެއް މުހިންމު މަސްއޫލިއްޔަތުތަކެއް އަދާކުރާނެ މުއައްސަސާތަކެއް ނުވަތަ މަގާމްތަކެއް ނެތްނަމަ، ވާދަވެރި ސިޔާސީ ހަރަކާތްތައް ހިންގުމަށް ހުރަސް އެޅޭނެއެވެ. ބައެއް މުހިންމު މުއައްސަސާތައް ސަރުކާރުން ނުވަތަ ވަކި ސިޔާސީ ޕާޓީއަކުން ކޮންޓްރޯލްކުރާނަމަ ވަކި ޕާޓީއަކުން މުޅި ދައުލަތް ކޮންޓްރޯލް ކުރުމަށް ފުރުސަތު ލިބި ވާދަވެރި މަލްޓިޕާޓީ ޑިމޮކްރަސީއެއް ހިންގުމަށް ގާނޫނުއަސާސީއިން ތަސައްވަރުކޮށްފައި އޮތް އޮތުން ތަންފީޒުނުކުރެވޭނެއެވެ. މިސާލަކަށް، މިނިވަން އިންސާފުވެރި އިންތިޚާބުތައް ބޭއްވުމަކީ ދައުލަތުގެ މަސްއޫލިއްޔަތެއް ކަމަށްވެފައި އެއީ ވާދަވެރި ޑިމޮކްރަސީއެއްގެ ބިންގާ ކަމަށްވާއިރު ސަރުކާރުގެ ވުޒާރާއަކުން ނުވަތަ ޑިޕާޓްމެންޓަކުން އެ މަސްއޫލިއްޔަތު އަދާކުރާނަމަ އިންތިޚާބުގެ އިތުބާރެއް ނޯންނާނެއެވެ. އަދި އިންތިޚާބުގެ ނަޒާހަތްތެރިކަން ކަށަވަރުނުކުރެވޭނެއެވެ. އެއާ ޚިލާފަށް ސިޔާސީ ޕާޓީތަކާއި ސަރުކާރުގެ ނުފޫޒުން ނެއްޓިފައިވާ މިނިވަން މުއައްސަސާއަކުން އެކަންކުރާނަމަ އިންތިޚާބުގެ އިތުބާރާއި ނަޒާހަތްތެރިކަން ކަށަވަރުކުރުމަށް ބާރަކަށް ވާނެއެވެ. ހަމަ މިގޮތަށް ގާނޫނުއަސާސީގެ ދަށުން، ޖިނާއީ މައްސަލަތަކުގައި ދައުވާކުރުމުގެ މަސައްކަތް އެޓާރނީ ޖެނެރަލްގެ އޮފީހުން ވަކިކޮށް، ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމު މިނިވަން މަގާމެއްގެ ގޮތުގައި އުފައްދާފައިވަނީ ވާދަވެރި ސިޔާސީ ފަރާތްތަކުގެ މައްޗަށް ސިޔާސީގޮތުން ސުވާލު އުފެދޭ ދައުވާކުރުން ހުއްޓުވައި އެފަދަ ތުހުމަތުތަކުން އެ މަގާމު އެއްކިބާކޮށް އިތުބާރު ހުރި ނަޒާހަތްތެރި ވާދަވެރި ސިޔާސީ މާހައުލެއް އުފެއްދުމަށެވެ. ސިޔާސީ މީސްމީހުންގެ މައްޗަށް ހެއްކާއި ދަލީލު ނެތި ދައުވާކުރާނަމަ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމުގައި ހުންނަ މީހަކީ ސަރުކާރުގެ އެކްސްޓެންޝަނެއް ކަމަށް ތުހުމަތުކުރެވި ގާނޫނުއަސާސީއިން ތަސައްވަރުކުރާ ވާދަވެރި ސިޔާސީ މާހައުލެއް ނުއުފެއްދޭނެއެވެ. އަދި ދައުލަތުގެ އެންމެ މުހިންމު ސިޔާދަތީ އެއް މަސްއޫލިއްޔަތު ކަމުގައިވާ ކުށްކުރާ މީހުން ހިފައި ހައްޔަރުކޮށް ދައުވާކުރުމުގެ މަސައްކަތަށް އޮންނަންޖެހޭ އިތުބާރު ނެތިގެންދާނެއެވެ. ގާނޫނުއަސާސީގައި ބަޔާންކޮށްފައި ނުވިނަމަވެސް، ދައުލަތުގެ މުހިންމު މަސްއޫލިއްޔަތެއް އަދާކުރުމަށް ބްރޯޑްކާސްޓިންގ ކޮމިޝަނާއި އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުވެސް މިނިވަން މުއައްސަސާއާ މިނިވަން މަގާމެއްގެ ގޮތުގައި ގާނޫނަކުން އުފައްދާފައިވަނީ ހަމަ މި ބަޔާންކުރި މަގްސަދު ހާސިލުކުރުމަށެވެ. އެހެންކަމުން ގާނޫނުއަސާސީގެ 73 (ރ) (3) ގައި ބަޔާންކޮށްފައިވާ މުސްތަގިއްލު ކޮމިޝަނާއި މުސްތަގިއްލު މަގާމުތަކުގެ މާނަ ހަމައެކަނި ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ މުސްތަގިއްލު ކޮމިޝަނާއި މުސްތަގިއްލު މަގާމުތަކަށް ހަނިކުރުމަކީ، ގާނޫނުއަސާސީގައި ބަޔާންކޮށްފައިނުވާ ދައުލަތުގެ މިފަދަ ކޮމިޝަން ތަކާއި މުސްތަގިއްލު މަގާމްތަކަށް މަޖިލިސްގެ މެންބަރުން އައްޔަންކުރުމަށް ދޮރު ހުޅުވިގެން ހިނގައިދާނެ ކަމެކެވެ. އަދި އެއީ ގާނޫނުއަސާސީގެ މަގްސަދެއްވެސް ނޫނެވެ.

އިސްވެ މި ބަޔާންކުރި ސަބަބުތަކަށްޓަކައި އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް ގެ ކައުންސިލުގެ މެންބަރުކަމަކީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ) ގެ (8) ވަނަ ނަންބަރުގައި ބަޔާންކުރާ ދައުލަތުގެ ވަޒީފާ އެއް ކަމަށް ނުވަތަ އަދި އެއީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ) ގެ (3) ގައި ބަޔާންކުރާ މުސްތަގިއްލު ކޮމިޝަނެއްގެ މެންބަރުކަން ނުވަތަ މުސްތަގިއްލު މަގާމެއް ކަމަށް ބަލާނެ ގާނޫނީ ހަމައެއް ނެތެވެ.

މަޖިލީހުގެ މެންބަރަކު އަދާކުރުން މަނާ ވަޒީފާއެއް އަދާކުރުމުގެ ނަތީޖާ

ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް އިންތިޚާބުކުރެވޭ މީހެއްގައި އަންނަނިވި ޝަރުތުތައް ފުރިހަމަވާންޖެހޭނެ ކަމުގައެވެ.

ދިވެހި ރައްޔިތަކަށް ވުން.

ބޭރު ގައުމެއްގެ ރައްޔިތަކަށް ނުވުން.

މުސްލިމަކު ކަމުގައި ވުމާއި، ސުންނަތް ޖަމާއަތުގެ މީހަކު ކަމުގައި ވުން.

އުމުރުން 18 އަހަރު ފުރިފައި ވުން.

ބުއްދި ހަމައަށް ހުރި މީހަކު ކަމުގައި ވުން.

ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވަނީ އަންނަނިވި ހާލަތްތަކުންކުރެ ހާލަތެއްގައިވާ މީހަކަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ބައިވެރި ނުވެވޭނެ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ހޮވިފައިވާ މެންބަރަކަށް އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެމީހަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމަށް މި މާއްދާގައި ބުނެފައިވެއެވެ. އެކަންތައް ތަކަކީ:

އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، އެ ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ މީހަކު ކަމުގައި ވުން.

ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ ބާރަ މަސްދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަމުންދާ މީހަކު ކަމުގައިވުން.

ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ ބާރަ މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކުނަމަ އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ، ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފްކުރެވުނުތާ ތިން އަހަރުނުވާ މީހަކު ކަމުގައިވުން.

ފަނޑިޔާރަކު ކަމުގައިވުން.

ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ) ގައި ބުނެފައިވަނީ ގާނޫނުއަސާސީގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާ ނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އެ މަގާމުގައި ހުރެ އަންނަނިވި ވަޒީފާތަކުން ކުރެ ވަޒީފާއެއް އަދާކޮށްގެން ނުވާނެ ކަމަށެވެ. ނަމަވެސް މެންބަރަކު އަދާކުރުން މި މާއްދާގައި މަނާކޮށްފައިވާ ވަޒީފާއެއް މެންބަރަކު އަދާކޮށްފިނަމަ އެ ކަމުގެ ޖަޒާއަކީ ކޮބައިކަން މި މާއްދާގައި ބުނެފައި ނެތެވެ. އެ ވަޒީފާތަކަކީ:

ވަޒީރުންގެ މަޖިލީހުގެ މެންބަރުކަން.

ސްޓޭޓް މިނިސްޓަރުކަމާއި ވަޒީރުންގެ ނާއިބުކަމާއި، ދައުލަތުގެ އެ ފެންވަރުގެ އެއްވެސް ވަޒީފާއެއް.

މުސްތަގިއްލު ކޮމިޝަނެއްގެ މެންބަރުކަން ނުވަތަ މުސްތަގިއްލު މަގާމެއް.

ސިވިލް ސަރވިސްގެ ވަޒީފާއެއް.

ސަރުކާރު ނުވަތަ ސަރުކާރު ބައިވެރިވާ ނުވަތަ ސަރުކާރުން ހިންގާ ކުންފުންޏެއްގެ ވަޒީފާއެއް.

ސިފައިންގެ ވަޒީފާއެއް.

ފުލުހުންގެ ވަޒީފާއެއް.

ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވަޒީފާއެއް ފިޔަވައި ދައުލަތުގެ އެހެން ވަޒީފާއެއް.

މި ގަޒިއްޔާގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމަންޖެހޭ އެއް ސުވާލަކީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ) ގައި ބުނެފައިވާ ހާލަތު މެދުވެރިވެއްޖެ ނަމަ، ނުވަތަ އެހެން އިބާރާތަކުން ބުނަނީނަމަ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަދާކުރުން ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ) އިން މަނާކޮށްފައިވާ ވަޒީފާއެއް މެންބަރަކު އަދާކޮށްފިނަމަ، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެތޯއެވެ.

ގާނޫނުއަސާސީ މާނަކުރުން

ގާނޫނުއަސާސީގެ މާއްދާއެއް ދެނެގަތުމަށްޓަކައި އެންމެ ފުރަތަމަ ރުޖޫއަވާންޖެހޭނީ އެ މާއްދާގައިވާ އިބާރާތަށެވެ. އެ އިބާރާތެއް އެއްގޮތަށް ވުރެ ގިނަ ގޮތްގޮތަށް މާނަކުރެވޭނަމަ، ނުވަތަ އެއިބާރާތެއްގައި ބުނާއެއްޗެއް އޮޅުން އަރާނަމަ އެ މާއްދާއެއްގެ ނުވަތަ އެ އިބާރާތެއްގެ މާނަ ދެނެގަންނަން އެންމެ ރަނގަޅު މަގަކީ ގާނޫނުއަސާސީ ލިޔުނު ފަރާތްތަކުގެ މަގްސަދަށް ރުޖޫއަވުމެވެ. ގާނޫނުއަސާސީ މާނަކުރުމުގައި ގާނޫނުއަސާސީ ލިޔުނު ފަރާތްތަކުގެ މަގްސަދަށް ފަނޑިޔާރު ރިއާޔަތްކުރި ނަމަވެސް އެއީ ގާނޫނުއަސާސީ ގެ މާއްދާއެއް މާނަކުރުމުގައި ރިއާޔަތްކުރަންޖެހޭ ހަމައެކަނި ވަސީލަތްކަމަށް ބެލުމަކީ އެންމެ ރަނގަޅުގޮތް ކަމަށް ބައެއް ފަހަރު ނުވެ ހިނގައިދާނެ އެވެ. އޭގެ އިތުރުން، ގާނޫނުތައް މާނަކުރުމަށްޓަކައި އާއްމުކޮށް ބޭނުންކުރާ ހަމަތަކަށްވެސް ރިއާޔަތްކުރަންވާނެއެވެ. ގާނޫނުއަސާސީ މާނަކުރުމުގައި، ގާނޫނުއަސާސީގެ ސިޔާދަތު ދަމަހައްޓައި، ގާނޫނުއަސާސީގެ މައިގަނޑު އެއް ސިފަކަމުގައިވާ ވެރިކަމުގެ ބާރުތައް ވަކިވެފައި އޮންނަ އޮތުން ދެމެހެއްޓުމަށާއި، ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނިވަންކަން ހިމާޔަތްކުރުމަށް ފަނޑިޔާރުން އިސްކަން ދޭންވާނެއެވެ. ގާނޫނުއަސާސީ އެކުލަވާލުމުގެ މަގްސަދަކީ ރައްޔިތުންގެ ސިޔާސީ އަދި އިޖްތިމާއީކަންކަން އިންތިޒާމުކޮށް ވަކިގޮތަކަށް ދައުލަތް ހިންގުން ތަރުތީބުކުރުން ކަމުގައި ވާތީވެ، ގާނޫނުއަސާސީގެ މާއްދާތައް މާނަކުރަންވާނީ ވަކި މާއްދާއަކަށް އެކަނި ބެލުމުގެ ބަދަލުގައި ގާނޫނުއަސާސީގެ މާއްދާތަކަކީ ގުޅިލާމެހިފައިވާ އެކަތިގަނޑެއް ކަމުގައި ބަލައިގެން، ގާނޫނުއަސާސީގެ އޮނިގަނޑު ރޫޅިގެންނުދާނޭ ގޮތަކަށެވެ. ގާނޫނުއަސާސީގެ މާއްދާއެއް މާނަކުރުމުގައި އެންމެ މުހިންމު ކަމަކީ އެއްވެސް ބާވަތެއްގެ ތައައްސުބެއް ނެތި އަދި ސިޔާސީ ނުފޫޒުތަކަށް ލެނބުމެއްނެތި ހެޔޮނިޔަތުގައި ފަނޑިޔާރުން ގާނޫނުއަސާސީ މާނަކުރުމެވެ. މީގެ އިތުރުން ގާނޫނުއަސާސީގެ މާއްދާއެއް މާނަކުރަނީ ގާނޫނުއަސާސީއާ ގާނޫނެއް ނުވަތަ ގަވައިދެއް ޚިލާފުވޭތޯ ބެލުމަށްޓަކައި ކަމުގައިވާނަމަ އެ ގާނޫނުގެ ފަހަތުގައިވާ ސިޔާސީ ވިސްނުމަށް ރިއާޔަތްކުރުމުގެ ބަދަލުގައި ފަނޑިޔާރުގެ ދައުރަކަށްވާން ޖެހޭނީ ހަމައެކަނި ގާނޫނުއަސާސީއާ އެ ގާނޫނު ނުވަތަ ގަވާއިދާ ޚިލާފުވޭތޯ ބެލުމާއި އެކަންކުރުމުގައި ގާނޫނުއަސާސީގެ ސިޔާދަތު ނެގެހެއްޓުމެވެ.

ގާނޫނުއަސާސީގެ 73 ވަނަ މާއްދާ އެކުލެވިގެންވާ ގޮތް

ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގައި ހުންނަންޖެހޭނެ ޝަރުތުތަކެވެ. 73 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޝަރުތުތަކުގެ ލިސްޓުގައި ހިމަނާފައިވާ ކަންކަމަކީ: (1) ދިވެހި ރައްޔިތަކަށް ވުން، (2) ބޭރު ގައުމެއްގެ ރައްޔިތަކަށް ނުވުން، (3) މުސްލިމަކުކަމުގައިވުމާއި، ސުންނަތް ޖަމާއަތުގެ މީހަކުކަމުގައި ވުން، (4) އުމުރުން 18 އަހަރު ފުރިފައި ވުން، (5) ބުއްދި ހަމައަށް ހުރި މީހަކުކަމުގައި ވުން، މިއެވެ. 73 ވަނަ މާއްދާގެ (ހ) ގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގައި ހުންނަންޖެހޭނެ ޝަރުތުތަކުގެ ލިސްޓު ބަޔާންކޮށްފައިވާ އިރު އެ ލިސްޓުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކީ ދައުލަތުގެ އެހެން މަގާމެއް އަދާކުރާ މީހަކަށް ވެގެންނުވާނެ ކަމަށް ބަޔާންކޮށްފައި ނެތެވެ. ގާނޫނުއަސާސީ ޑްރާފްޓްކުރި މީހުން އެ ނުކުތާ ދޫކޮށްލާފައިވަނީ 73 ވަނަ މާއްދާގެ (ނ) އަށާއި (ރ) ގައި އެ ކަމާ މެދު ގޮތްތަކެއް ކަނޑައެޅުމަށެވެ.

ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވަނީ އެ އަކުރުގައި ބަޔާންކޮށްފައިވާ ހާލަތްތަކުންކުރެ ހާލަތެއްގައިވާ މީހަކަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަނުކުރެވޭނެ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ހޮވިފައިވާ މެންބަރަކަށް އެ އަކުރުގައިވާ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެ މީހަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމަށް ސަރީހަ އިބާރާތުން ބަޔާންކޮށްފައިވެއެވެ. އެކަންތައް ތަކަކީ: (1) އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، އެ ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ މީހަކު ކަމުގައި ވުން؛ (2) ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ ބާރަ މަސްދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަމުންދާ މީހަކު ކަމުގައިވުން؛ (3) ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ ބާރަ މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ، ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފްކުރެވުނުތާ ތިން އަހަރުނުވާ މީހަކު ކަމުގައިވުން؛ އަދި (4) ފަނޑިޔާރަކު ކަމުގައިވުން. މެންބަރެއްގެ ކިބައިން މެންބަރުކަން ގެއްލޭނެ ހާލަތްތައް 73 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ އިރު، އެ ލިސްޓުގައި ފަނޑިޔާރުކަން ކުރުން ފިޔަވައި ދައުލަތުގެ އެހެން މަގާމެއް ފުރުން ހިމަނާފައި ނެތެވެ.

ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ) ގައި ބުނެފައިވަނީ ގާނޫނުއަސާސީގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާ ނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އެ މަގާމުގައި ހުރެ އަންނަނިވި ވަޒީފާތަކުން ކުރެ ވަޒީފާއެއް އަދާކޮށްގެން ނުވާނެ ކަމަށެވެ. އެ ވަޒީފާތަކަކީ: (1) ވަޒީރުންގެ މަޖިލީހުގެ މެންބަރުކަން؛ (2) ސްޓޭޓް މިނިސްޓަރުކަމާއި ވަޒީރުންގެ ނާއިބުކަމާއި، ދައުލަތުގެ އެ ފެންވަރުގެ އެއްވެސް ވަޒީފާއެއް؛ (3) މުސްތަގިއްލު ކޮމިޝަނެއްގެ މެންބަރުކަން ނުވަތަ މުސްތަގިއްލު މަގާމެއް؛ (4) ސިވިލް ސަރވިސްގެ ވަޒީފާއެއް؛ (5) ސަރުކާރު ނުވަތަ ސަރުކާރު ބައިވެރިވާ ނުވަތަ ސަރުކާރުން ހިންގާ ކުންފުންޏެއްގެ ވަޒީފާއެއް؛ (6) ސިފައިންގެ ވަޒީފާއެއް؛ (7) ފުލުހުންގެ ވަޒީފާއެއް؛ (8) ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވަޒީފާއެއް ފިޔަވައި ދައުލަތުގެ އެހެން ވަޒީފާއެއް، މިއެވެ. 73 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތާ ޚިލާފަށް، 73 ވަނަ މާއްދާގެ (ރ) ގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އަދާކުރުން މަނާކޮށްފައިވާ މަގާމެއް ނުވަތަ ވަޒީފާއެއް އަދާކޮށްފިނަމަ އެކަމުގެ ނަތީޖާއެއްގެ ގޮތުން މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމަށް ބުނެފައެއް ނެތެވެ.

އިސްވެ ބަޔާންވެދިޔަ ފަދައިން، ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ހ) ގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގައި ހުންނަންޖެހޭނެ ޝަރުތައް ބަޔާންކުރުމަށްފަހު، އެ މާއްދާގެ (ނ) ގައި ބުނެފައިވަނީ އެ އަކުރުގައި ބުނެފައިވާ ހާލަތު މެންބަރަކަށް މެދުވެރިވެއްޖެ ނަމަ އެ މެންބަރަކު މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމަށެވެ. އެހެންކަމުން އުފެދޭ އެއް ސުވާލަކީ ގާނޫނުއަސާސީގެ މަގްސަދަކީ އެ މާއްދާގެ (ރ) ގައި ބުނެފައިވާ ހާލަތު މެންބަރަކަށް މެދުވެރިވެއްޖެ ނަމަވެސް އެ މެންބަރަކު މަޖިލީހުގެ މެންބަރުކަމުން ވަކިވުންތޯއެވެ. ގާނޫނުއަސާސީގެ މަގްސަދަކީ އެއީތޯއެވެ. ގާނޫނުއަސާސީ ގެ 73 ވަނަ މާއްދާގެ މަގްސަދު ދެނެގަތުމަށްޓަކައި އެންމެ ފުރަތަމަ ރުޖޫއަވާންޖެހޭނީ އެ މާއްދާގައިވާ އިބާރާތަށެވެ. އެ މާއްދާގައި ބޭނުންކޮށްފައިވާ އިބާރާތުން އެ މާއްދާގެ މަގްސަދު ސާފުކޮށް އެނގޭނަމަ އެނޫން ގޮތަކަށް އެ މާއްދާ މާނަކޮށް އެ މާއްދާގައި ހިމަނާފައިނުވާ ކަންކަން އެ މާއްދާގެ ތެރެއަށް ވެއްދުމަކީ ކޯޓުތަކުގެ ދައުރެއް ނޫނެވެ.

ގާނޫނުއަސާސީ ޑްރާފްޓުކުރި މީހުންގެ މަގްސަދަކީ 73 ވަނަ މާއްދާގެ (ރ) ގައި ބުނެފައިވާ ހާލަތު މެންބަރަކަށް މެދުވެރިވެ، އެ އަކުރުގައި ބުނެފައިވާ މަގާމެއް މެންބަރަކު އަދާކޮށްފިނަމަ އެމީހަކު މެންބަރުކަމުން ވަކިކުރުން ކަމުގައިވާނަމަ، އެ މާއްދާގެ (ނ) ގެ ތެރޭގައި ފަނޑިޔާރުކަން ބަޔާންކޮށްފައި އޮތް ފަދައިން އެހެން މަގާމުތައްވެސް އެ އަކުރުގައި ހިމެނުނީހެވެ. ފަނޑިޔާރުކަން ފިޔަވައި، ވަކި ނަންބަރެއް ޖަހައި ވަކިއަކުރަކަށް އެހެން މަގާމުތައް ގެނެސްފައި އޮތީ އެ ފަދަ މަގާމެއް އަދާކުރާ މެންބަރަކު މެންބަރުކަމުން ވަކިކުރުން އެއީ ގާނޫނުއަސާސީގެ މަގްސަދުކަމުގައި ނުވާތީ ކަމަށް ގަބޫލުކުރެވެއެވެ.

ގާނޫނު އަސާސީގެ 73 ވަނަ މާއްދާ އެކި އަކުރުތަކަށް ބަހައި ކޮންމެ އަކުރެއްގައި ވަކި ލިސްޓެއް ލިޔެފައިވަނީ އެއިން ކޮންމެ އަކުރެއްގައި ބަޔާންކޮށްފައިވާ ހާލަތު ނުވަތަ ކަންކަން މެދުވެރިވުމުން އެއިން ނިކުންނަ ނަތީޖާ ފަރަގުކުރުމަށްކަން އެނގެއެވެ. ގާނޫނުއަސާސީ ޑްރާފްޓުކުރި މީހުންގެ މަގްސަދަކީ އެއިން ކޮންމެ އަކުރަކުން ވަކި ނަތީޖާއެއް ނެރުން ކަމަށް ނުވާނަމަ، ސައުތު އެފްރިކާގެ ގާނޫނުއަސާސީއާއި އިންޑިއާގެ ގާނޫނުއަސާސީއާއި އޮސްޓްރޭލިއާގެ ގާނޫނުއަސާސީ ގެ ކަމާބެހޭ މާއްދާ ޑްރާފްޓުކޮށްފައި އޮތް ގޮތަށް، 73 ވަނަ މާއްދާގެ އެއް އަކުރުގައި އެ ހުރިހާ ކަންކަން އެގޮތަށް ލިސްޓުކުރެވުނީހެވެ. ގާނޫނު އަސާސީގެ 73 ވަނަ މާއްދާ އެކި އަކުރުތަކަށް ބަހައި ކޮންމެ އަކުރެއްގައި ވަކި ލިސްޓެއް ލިޔެފައިވަނީ އެއިން ކޮންމެ އަކުރެއްގައި ބަޔާންކޮށްފައިވާ ހާލަތު ނުވަތަ ކަންކަން މެދުވެރިވުމުން އެއިން ނިކުންނަ ނަތީޖާ ފަރަގުކުރުމަށްކަން ގާނޫނުއަސާސީ އެކުލަވާލި ޚާއްސަ މަޖިލީހުގައި ކުރެވިފައިވާ ބަހުސްތަކުން ސާފުކޮށް އެނގެއެވެ. އެ ބަހުސްތަކުގެ މައްޗަށް ބަލައިލާނަމެވެ.

ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ޔައުމިއްޔާ އިން އެނގެނީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ) ގެ މައިގަނޑު މަގްސަދުތަކަކީ؛ (1) ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ސަރުކާރުގެ ނުފޫޒުން މިނިވަންކުރުން، އަދި (2) އާއްމު ވޯޓުގައި ރައްޔިތުން ރިޔާސީ ނިޒާމު ގަބޫލުކޮށްފައިވާތީވެ ތިން ބާރު ވަކިކުރެވިފައިވާ ދައުލަތެއްގައި މަޖިލިސްގެ މެންބަރުން ދައުލަތުގެ އަނެއް ދެ ބާރުގައި ވަޒީފާ އަދާކުރުން މަނާކުރުންކަން އެނގެއެވެ. އަދި އެއް މެންބަރަކު ހުށަހަޅާފައިވާ ގޮތުން، ދައުލަތުގެ އެހެން މަގާމެއްގައި މީހަކު ހުއްޓާ އެމީހަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ހޮވުމަށްފަހު، މަޖިލީހުގެ މެންބަރު ކަމުގެ ދައުރު ހަމަވުމުން ވަޒީފާ މެދު ނުކެނޑޭގޮތަށް ކުރިން އެމީހާ އަދާކުރަމުންދިޔަ ދައުލަތުގެ އެ ވަޒީފާއަށް އެނބުރި ދެވޭނެ ގޮތަށް ހެދުމަށްވެސް ހުށަހަޅާފައިވާކަން އެނގެއެވެ. ރައްޔިތުންގެ ޚާއްސަ މަޖިލީހުގައި މި މާއްދާއާ ބެހޭގޮތުން ކުރި މުޅި ބަހުސަށް ބަލާއިރު، ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ވިސްނުމަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދައުލަތުގެ އެހެން ބާރެއްގައި ވަޒީފާއަދާ ނުކުރުން ކަން އެނގެއެވެ. އަދި އެހާލަތު މެދުވެރިވާ މެންބަރަކު މެންބަރުކަމުން ވަކިވާނެ ކަމަށް އެއްވެސް މެންބަރަކު ބުނެފައެއް ނެތެވެ. އެއާ ޚިލާފަށް، 73 ވަނަ މާއްދާގެ (ނ) އާއި (ރ) ގައި ތަފާތު ދެ ނަތީޖާއެއް ނިކުންނާނެ ދެ ލިސްޓެއް ހިމަނާފައިވަނީ ގަސްތުގައިކަން އެ ބަހުސްތަކުން އެނގެއެވެ. އެގޮތަށް އެނގެނީ، އެ ދެ ލިސްޓު އެއްކޮށް އެއް ލިސްޓަކަށް ހެދުމަށް މެންބަރަކު ހުށަހެޅި ހުށަހެޅުން ޚާއްސަ މަޖިލީހުގެ ފްލޯ އިން ފާސްވެފައިނުވާތީއެވެ. ޚާއްސަކޮށް 73 ވަނަ މާއްދާގެ (ނ) ގައިވާ ލިސްޓުގައި ހިމަނާފައިވާ ފަނޑިޔާރުކަން އެ އަކުރުން ވަކިކުރުމަށްފަހު އެ މާއްދާގެ (ރ) ގައިވާ ލިސްޓަށް ފަނޑިޔާރުކަން ކުރުން ބަދަލުކުރުމަށް 3 މެންބަރަކު ހުށަހެޅި ތިން ހުށަހެޅުންވެސް ޚާއްސަ މަޖިލީހުގެ ތަޅަމުން ފާސްވެފައި ނުވާކަން ފާހަގަކުރެވެއެވެ.

ގާނޫނުއަސާސީގެ 73 ވަނަ މާއްދާއާ ބެހޭ ބަހުސްކުރެވުނު ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ޖަލްސާތަކުގެ ޔައުމިއްޔާތަކަށް ބަލާއިރު އެނގެނީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ހ) ގައި މެންބަރުކަމުގެ ޝަރުތުތައް ބަޔާންކުރުމަށްފަހު، އެ މާއްދާގެ (ނ) އިން ހާސިލުކުރަން ބޭނުންވި މަގްސަދަކީ ވަކި ހާލަތެއްގައިވާ ބަޔަކަށް އެއްވެސް ގޮތަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހޮވަމަށް ބާއްވާ އިންތިޚާބެއްގައި ކެނޑިޑޭޓެއްގެ ގޮތުގައި ވާދަކުރުމުގެ ފުރުސަތު ނުދިނުންކަމެވެ. ކެނޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލެވޭ މީހަކީ އެއިން ހާލަތެއްގައިވާ މީހަކު ނަމަ އެމީހެއްގެ ކެނޑިޑޭޓުކަން ގަބޫލެއް ނުކުރެވޭނެއެވެ. އަދި މެންބަރެއްގެ ގޮތުގައި އިންތިޚާބުވުމަށްފަހުވެސް އެއިން ހާލަތެއް މެދުވެރިވެއްޖެ ނަމަވެސް އެ މީހެއްގެ މެންބަރުކަން ގެއްލޭނެއެވެ. އެއާ ޚިލާފަށް، ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ) އިން ހާސިލުކުރަން ބޭނުންވި މަގްސަދަކީ ބައެއް މަގާމުތަކުގައި ތިބިމީހުންނަށް އެ ވަޒީފާތަކުން ވަކި ނުވެ، އެ ވަޒީފާތަކުގައި ތިބެގެން މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ދިނުމެވެ. މެންބަރުކަމަށް ހޮވިއްޖެ ނަމަ އެމީހަކު އެފަދަ މަގާމެއް އަދާކުރަމުން ގެންދާނަމަ، އެމީހަކު އެވަޒީފާއިން ވަކިވާން ޖެހޭނެއެވެ. މިސާލެއްގެ ގޮތުން ފާދިއްޕޮޅު ދާއިރާގެ މެންބަރު ޢަބްދުﷲ އަލީ އެ މާއްދާގެ ބަހުސްގައި ބުނެފައިވަނީ:

". . . ވަނަ މާއްދާގެ (ބ) ގެ ފަހަތަށް ތިރީގައި މިވާގޮތަށް މާއްދާއެއް އިތުރު ކުރަން ހުށަހަޅަން. އެގޮތުން، މި މާއްދާގެ (ރ) ބުނެފައިވާ ވަޒީފާތަކުގެ ތެރެއިން 1 ވަނަ މާއްދާއި ދެވަނަ މާއްދާގައިވާ ވަޒީފާތައް ފިޔަވާ އެހެން މާއްދާތަކުގައި ބުނެފައިވާ ވަޒީފާއެއްގައި ހުރި މީހަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް އިންތިޚާބް ކުރެވިއްޖެ ހިނދެއްގައި އެ ވަޒީފާތަކުން މުސާރަ ނުލިބޭފަދަ ނޯޕޭ ލީވް ނޫނީ ޗުއްޓީ މެންބަރުކަމުގެ ދައުރު ފުރިހަމަވުމުން އެ ވަޒީފާތަކަށް ނުވަތަ އެ ދާއިރާގެ އެހެން ވަޒީފާއަކަށް ވަޒީފާގެ މުއްދަތު މެދުނުކެނޑޭގޮތަށް ގާނޫނުގައިވާ ގޮތުގެމަތީން ދިއުމަކަށް މި މާއްދާ ހުރަހެއް ނާޅައޭ."

މި އިބާރާތުން އެކަނިވެސް ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ވިސްނުން ހުރީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ) ގައި މަނާކޮށްފައިވާ ފަދަ ވަޒީފާއެއް އަދާކުރުމުން މަޖިލީހުގެ މެންބަރުކަމުން ވަކިކުރަން ނޫންކަން ސާފުކޮށް އެނގެއެވެ. ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގައިވާ ލިސްޓުގައި މަގާމެއްގެ ގޮތުގައި ހަމައެކަނި ފަނޑިޔާރުން ހިމަނައި އެ މާއްދާގެ (ރ) ގައި ފަނޑިޔާރުން ހިމަނާފައި ނުވަނީ ފަނޑިޔާރުންނަށް އެމީހުންގެ މަގާމުގައި ތިބެގެން ސިޔާސީ ކެމްޕޭންކޮށް، މަޖިލިސްގެ ގޮނޑިއަކަށް ވާދަކުރުމުގެ ފުރުސަތު ނުދިނުމަށެވެ. ފަނޑިޔާރުކަމަކީ ސިޔާސީކަންކަމުން އެއްކިބާވާން ޖެހޭ ވަޒީފާއެއް ކަމަށްވާތީވެ، އެ ސަބަބަށްޓަކައި ފަނޑިޔާރުންގެ މަގާމު ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ) ގައިވާ އެހެން މަގާމުތަކާ ފަރަގުކޮށްފައިވަނީއެވެ. މި މައުޟޫއުގައި ރައީސުލްޖުމްހޫރިއްޔާގެ މެންބަރު ފާޠިން ޙަމީދު ބުނެފައިވަނީ:

". . . ވަނަ މާއްދާގެ (ނ) އާއި (ރ) މި ދެބައި ކިއުއްވާލެއްވީމަ ފެނިވަޑައިގަންނަވާނެ މީގައި ފުރަތަމަ (ނ) ގައި މި އޮންނަނީ އަންނަނިވި ޙާލަތުން ކުރެ ޙާލަތެއްގައި މީހަކު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ބައިވެރިއެއް ނުވެވޭނެއޭ. އެހެންވީމާ، އެ މަގާމެއްގައި ހުންނައިރު ބައިވެރި ނުވެވޭނެ ވާހަކަ މި އަންނަނީ. އެހެންވީމާ، އެގޮތުން ރިޔާސީ ނިޒާމަކަށް މިހާރު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ފާސްކޮށްފައި އޮތުމާ އެކީގައި ދެ ބާރު ވަކިކުރުމުގެ ގޮތުން މިގޮތަށް ކުރިމަތި ނުލެވޭނެކަމަށް އަޅުގަނޑަށް ފެންނާތީ އެގޮތަށް ކުރިމަތި ނުލެވޭ މަގާމުތަކުގެ ތެރެއަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުކަން އެ ހުށަހެޅުމުގެ ގޮތުން މިއޮތީ. މިހާރު ޑްރާފްޓްގައި ހުށަހެޅިފައި އޮތްގޮތުން (ރ) ގައި މި އޮންނަގޮތުން ވެއްޖިއްޔާ މިއޮންނަނީ ކުރިމަތި ލެވޭގޮތަށް އެހެންނަމަވެސް، ކުރިމަތި ލުމަށްފަހު އިންތިޙާބު ވުމަށްފަހު އޭނަ ވަކިވެވަޑައިގަންނަވަން ޖެހޭގޮތަށް."

ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ) ގެ މަގްސަދަކީ ގާނޫނު ހަދާ މީހުންނަކީ އެގްޒެކެޓިވް ބްރާންޗުގައި މަސައްކަތްކުރާ މީހުންނާއި މުޅިން މިނިވަން ވަކި ބަޔަކު ކަމަށް ހެދުމެވެ. އެއީ ތިން ބާރުގެ ދައުރު ވަކިވެފައި އޮތުމަށްޓަކައެވެ. އެ މާއްދާގެ (ނ) ގެ ދަށުން ފަނޑިޔާރުކަމުގައި ހުރެ މަޖިލީހުގެ މެންބަރުކަމަށް ކުރިމަތި ނުލެވޭނެއެވެ. އަދި މެންބަރުކަމުގައި ހުރެ ފަނޑިޔާރަކަށް ވެއްޖެ ނަމަ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމަށް ބުނެފައި ނެތެވެ. އެއާ ޚިލާފަށް، އެ މާއްދާގައި (ރ) ގައި ބަޔާންކޮށްފައިވަނީ ދައުލަތުގެ އެހެން ވަޒީފާއެއް މެންބަރުން އަދާކުރުމަކީ މަނާކަމެއް ކަމަށެވެ. އެކަން މަނާކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކީ ސަރުކާރުގެ ވަޒީފާއެއް އަދާކުރާ މެންބަރަކު ނަމަ، އެ މުވައްޒަފަކަށް ނުފޫޒުފޯރުވުމަކީ ސަރުކާރަށް ކުރެވިދާނެ ކަމަކަށް ވާތީއެވެ. އަދި މެންބަރުންގެ ވާޖިބުތަކުގެ ތެރޭގައި ސަރުކާރުން ކުރާ ކަންތައްތަކަށް ފާޑު ކިޔުން ހިމެނޭތީވެ، ސަރުކާރުގައި ވަޒީފާއަދާކުރާ މެންބަރަކަށް މިނިވަންކަމާ އެކު ނުފޫޒެއް ނެތި މަސްއޫލިއްޔަތު އަދާކުރެވޭނެ ގޮތް ތަނަވަސްކޮށް މެންބަރުންގެ މިނިވަންކަން ކަށަވަރުކުރުމެވެ.

ގާނޫނުއަސާސީގައި މަނާކޮށްފައި ހުންނަ ކަންކަމާއި އެކަންކަންކުރުމުގެ ނަތީޖާދައުލަތް އެ މައްޗަށް ބިނާކޮށްފައިވާ ފަލްސަފާތަކާއި، ދައުލަތް އެކުލެވިގެންވާ ގޮތާއި ދައުލަތުގެ އެކިއެކި ކަންކަން ހިންގާނެ ފަރާތްތަކާއި އެފަރާތްތައް ހޮވާނެ ގޮތާއި އެ ފަރާތްތަކުގެ ބާރުގެ ދާއިރާ އާއި، މަސްއޫލިއްޔަތާއި، އެކިއެކި ދުސްތޫރީ އިޖުރާއަތުތައް ބަޔާންކުރުމުގެ ގޮތުން ގާނޫނުއަސާސީގައި އެކި ބާވަތް ބާވަތުގެ މާއްދާތައް ހިމަނާފައިވެއެވެ. އޭގެ ތެރޭގައި ހައްގުތައް ބަޔާންކުރާ މާއްދާތަކާއި ވާޖިބުތައް ބަޔާންކުރާ މާއްދާތަކާއި ޝަރުތުތައް ބަޔާންކުރާ މާއްދާތަކާއި ކަންކަން ހުއްދަކުރާ މާއްދާތަކާއި ކަންކަން މަނާކުރާ މާއްދާތަކާއި ކަންކަން ހިންގާނެ ގޮތް ބަޔާންކުރާ މާއްދާތައް ހިމެނެއެވެ. މިއިން ކޮންމެ ބާވަތެއްގެ މާއްދާތަކަކީ އެއިން ތަފާތު ނަތީޖާއެއް ނެރެދޭ މާއްދާތަކެކެވެ. މިފަދަ ތަފާތު ބާވަތް ބާވަތުގެ މާއްދާތަކުގެ ތެރެއިން، ދައުލަތުގެ އެކި ގުނަންތަކުގެ މައްޗަށާއި މުއައްސަސާތަކުގެ މައްޗަށާއި އެކިއެކި މަގާމުތަކުގައި ތިބޭ މީހުންގެ މައްޗަށް ކަންކަން މަނާކޮށްފައި ހުރި ބައެއް މާއްދާތަކަށް ބަލައިލާނަމެވެ. މިސާލަކަށް: ގާނޫނުއަސާސީގެ 44 ވަނަ މާއްދާގައިވާ "...އެނޫން މީހެއްގެ ގާނޫނީ ހައްގަކަށް ނުވަތަ ގާނޫނީ ވާޖިބަކަށް ހުރަސް އަޅައިގެން ނުވާނެއެވެ"؛ 45 ވަނަ މާއްދާގައިވާ "...ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނަކާ އެއްގޮތްވާ ގޮތުގެމަތިން މެނުވީ، އެއްވެސް މީހެއްގެ ގަޔަށް އަތްލައި، ހިފައި ހައްޔަރުކޮށް، އަދި ބަންދުކޮށްގެން ނުވާނެއެވެ"؛ އަދި 47 ވަނަ މާއްދާގައިވާ "އެކަށީގެންވާ ސަބަބެއްނެތި އެއްވެސް މީހެއްގެ ގަޔަށް އަތްލައި، ފާސްކޮށް މީހެއްގެ އެއްޗެއް ގަދަކަމުން އަތުލައިގެނެއް ނުވާނެއެވެ"؛ 54 ވަނަ މާއްދާގައިވާ "...އިންސާނީ ކަރާމާތް ގެއްލޭފަދަ އަދަބެއް އެއްވެސް މީހަކަށް ދީގެން ނުވާނެއެވެ. އަދި އެއްވެސް މީހަކަށް އަނިޔާކޮށްގެނެއް ނުވާނެއެވެ"؛ 266 ވަނަ މާއްދާގައިވާ "ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ފާސްކުރާ ބިލެއްގައި އެ ގެންނަންވީ އިސްލާހަކާއި އެ އިސްލާހަކާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް ފިޔަވައި އިތުރު އެހެން އެއްވެސް ކަމެއް ހިމަނައިގެން ނުވާނެއެވެ"؛ 267 ވަނަ މާއްދާގައިވާ ކުއްލިނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ ވަގުތެއްގައި، ގާނޫނުއަސާސީއަށް އެއްވެސް އިސްލާހެއް ގެނެސްގެނެއް ނުވާނެއެވެ" މި ގޮތަށް ބަޔާންކޮށް މިފަދަ ކަންކަން ދައުލަތުގެ ކަންކަން ހިންގާ ފަރާތްތަކުގެ މައްޗަށާއި، ދައުލަތުގެ މުވައްޒަފުންގެ މައްޗަށް ގާނޫނުއަސާސީއިން މަނާކޮށްފައި ވެއެވެ. މިގޮތަށް ގާނޫނުއަސާސީގައި މަނާކޮށްފައިވާ ކަންކަން ކުރުމުގެ ނަތީޖާއަކީ އެކަންކަން ބާތިލުވުމެވެ. އެފަދަ އަމަލުތައް ބާތިލުވާނެކަން އެނގޭ އެއް މަސްދަރަކީ ގާނޫނުއަސާސީގެ 268 ވަނަ މާއްދާގެ އެންމެ ފަހު ޖުމްލައެވެ. އެއީ، "...މި ގާނޫނުއަސާސީއާ ޚިލާފަށް ކުރާ ކޮންމެ ކަމަކީ ބާތިލުކަމެކެވެ." ވީމާ، ގާނޫނުއަސާސީގައި މަނާކޮށްފައިވާ ކަމަކުން އެ ނޫން ނަތީޖާއެއް ނެރުމަކީ ގާނޫނުއަސާސީގެ މަގްސަދު ކަމުގައިވާ ނަމަ އެގޮތަށް ގާނޫނުއަސާސީގައި ލިޔެފައި އޮންނާނެއެވެ. ގާނޫނުއަސާސީގައި މަނާކޮށްފައިވާ ކަމެއް ކުރުމުން އެ ކަމެއް ބާތިލުވުމުގެ އިތުރުން އެހެން ނަތީޖާއެއް ނެރުމަށް ގާނޫނުއަސާސީގައި ސަރީހަ ބަހުން ބުނެފައި ނުވާނަމަ، އެކަންކުރުމުން ވަކިނަތީޖާއެއް ނިކުންނާނެ ކަމަށް ކޯޓަކުން ބުނެފިނަމަ އެއީ ގާނޫނުއަސާސީގައި ނެތްކަމެއް ގާނޫނުއަސާސީއަށް އިތުރު ކުރުން ކަމަށް ބެލެވޭނެއެވެ. ގާނޫނުއަސާސީގައި ކުރުން މަނާކޮށްފައިވާ ކަމެއްކުރުމުން ދޭނެ ޖަޒާއެއް ގާނޫނުއަސާސީގައި ނުވަތަ ރައްޔިތުންގެ މަޖިލީހުން ހަދާފައިވާ ގާނޫނެއްގައި ބަޔާންކޮށްފައި ނެތްނަމަ ގާނޫނުއަސާސީގައި މަނާކޮށްފައިވާ ކަމެއް ކުރާ ދައުލަތުގެ މުވައްޒަފެއްގެ މައްޗަށް ގާނޫނުއަސާސީއަށް ނިސްބަތްކޮށް އުގޫބާތެއް ދިނުމަށް ކޯޓުތަކުގެ ފަނޑިޔާރުންނަށް ބާރު ލިބޭ ގާނޫނީ މަސްދަރެއް ނެތެވެ. އެފަދަ ކަމެއް ކޯޓުން ކޮށްފިނަމަ އެކަން ވާނީ ގާނޫނުއަސާސީއާ ޚިލާފު ކަމަކަށެވެ. ދައުލަތުގެ ގާނޫނު ހެދުމުގެ ބާރަށް ގާނޫނުއަސާސީއިން ދީފައިވާ ގާނޫނުއަސާސީއަށް ބަދަލުގެނައުމުގެ މަސްއޫލިއްޔަތުގެ ތެރެއަށް ފަނޑިޔާރުން ވަދެ ގާނޫނުއަސާސީގައި ނެތް ޖަޒާއެއް އެއްވެސް ފަރާތެއްގެ މައްޗަށް ކަނޑައެޅުމަކީ ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމު ހަމަޖެހިފައި އޮތް ގޮތެއް ނޫނެވެ.

ގާނޫނުއަސާސީގައި ކަންކަން ބަޔާންކުރާއިރު ވަކި ހާލަތެއް މެދުވެރިވެއްޖެ ނަމަ އެހާލަތާއި ގުޅިގެން ވަކި ނަތީޖާއެއް ނެރެން ގާނޫނުއަސާސީއިން ގަސްތުކޮށްފައިވާނަމަ އެކަމެއް ސާފުބަހުން ބަޔާންކޮށްފައި އޮންނާނެއެވެ. އެ ނަތީޖާއަކީ ހީއަކަށް ލަފައަކަށް ބިނާކޮށް ކޯޓުގެ ހުކުމަކުން ކަނޑައަޅަންޖެހޭ ނަތީޖާއަކަށް ވެގެންނުވާނެއެވެ.

ވަކި ހާލަތެއް މެދުވެރިވުން އެކަމުގެ ނަތީޖާ އެކަމުގެ އިތުރު ނަތީޖާ

ގާނޫނާ ޚިލާފަށް މީހަކު ހައްޔަރުކުރުން (ގާނޫނުއަސާސީގެ 45، 46 ވަނަ މާއްދާ) . އެ އަމަލު ބާތިލުވުން (ގާނޫނުއަސާސީގެ 268 ވަނަ މާއްދާ). އަނިޔާ ލިބުނު ފަރާތަށް ގެއްލުމުގެ ބަދަލު ލިބުން (ގާނޫނުއަސާސީގެ 58 ވަނަ މާއްދާ).

ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގައި ބުނާ ހާލަތެއް މެދުވެރިވުން. ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ކުރިމަތި ނުލެވުން. (ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ). ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވުން (ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ).

ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ) ގައި ބުނާ ހާލަތެއް މެދުވެރިވުން. (އެކަމުގެ ނަތީޖާ ގާނޫނުއަސާސީގައި ބަޔާންކޮށްފައި ނެތް) ގާނޫނުއަސާސީ މާނަކުރުމުގެ ބާރު ކޯޓުތަކަށް ލިބިގެންވީ ނަމަވެސް، އެ މަސްއޫލިއްޔަތު އަދާކުރުމުގެ ތެރޭގައި ގާނޫނުއަސާސީގެ މާއްދާއެއްގައި ނުހިމެނޭ ކަމެއް އެ މާއްދާއަށް އިތުރުކުރުމަކީ ކޯޓުތަކަށް ލިބިގެންވާ ބާރެއް ނޫނެވެ. އެފަދަ ކަމެއް ކޮށްފިނަމަ އެކަން ވެގެންދާނީ ގާނޫނުއަސާސީއަށް ގެނެވޭ ބަދަލަކަށެވެ. ގާނޫނުއަސާސީގެ މާއްދާއަކަށް އެއްވެސް އުނިއިތުރެއް ގެނެވޭނީ ގާނޫނުއަސާސީގެ 12 ވަނަ ބާބުގައި ބަޔާންކޮށްފައިވާ އިޖުރާއަތުގެ ތެރެއިން ރައްޔިތުންގެ މަޖިލީހަށެވެ. މިސާލަކަށް ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ) ގެ ދަށުން މަނާކޮށްފައިވާ ވަޒީފާއެއް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އަދާކޮށްފިނަމަ، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމަށް 73 ވަނަ މާއްދާގައި ނުވަތަ ގާނޫނުއަސާސީގެ އެއްވެސް މާއްދާއެއްގައި ބުނެފައި ނެތީސް، ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ) ގެ ދަށުން މަނާކޮށްފައިވާ ވަޒީފާއެއް ރައްޔިތުންގެ މަޖިލީހުގެ މެނަބަރަކު އަދާކޮށްފިނަމަ އެ މެންބަރަކު ވަކިވާނެ ކަމަށް ކޯޓުން ބުނެފައި ނަމަ، އެކަން ވެގެންދާނީ ގާނޫނުއަސާސީއަށް ގެނެވޭ އުނިއިތުރަކަށެވެ. އެފަދަ އުނިއިތުރެއް ގާނޫނުއަސާސީއަށް ގެނެވޭނީ ހަމައެކަނި ގާނޫނުއަސާސީގެ 12 ވަނަ ބާބުގައި ބަޔާންކޮށްފައިވާ އިޖުރާއަތުގެ ތެރެއިން ރައްޔިތުންގެ މަޖިލީހަށެވެ. އެފަދަ ބަދަލެއް ގާނޫނުއަސާސީއަށް އަންނާނެ ނިންމުމެއް ނިންމުމުގެ ޑިމޮކްރެޓިކް މެންޑޭޓެއް ކޯޓުތަކަށް ލިބިފައި ނެތެވެ.

ގާނޫނުއަސާސީގެ 211 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ އޮޑިޓަރ ޖެނެރަލްގެ މަގާމަށް އައްޔަންކުރެވޭ މީހަކީ "އޮޑިޓަރ ޖެނެރަލް ކަމުގެ ވަޒީފާގެ އިތުރުން އެހެން ވަޒީފާއެއް އަދާކުރާ މީހަކަށް ވެގެނެއް ނުވާނެއެވެ." އޮޑިޓަރ ޖެނެރަލްގެ މަގާމުގައި ހުންނަ މީހަކަށް ގާނޫނުއަސާސީއިން މަނާކޮށްފައިވާ ފަދައިން އެހެން ވަޒީފާއެއް އަދާކޮށްފިނަމަ އެ މަގާމުން ވަކިވާނެ ކަމަށް ގާނޫނުއަސާސީގައި ބުނެފައެއް ނެތެވެ. އެހެން އެކަން އޮތުމުން، އޮޑިޓަރ ޖެނެރަލް ކަމުގެ މަގާމުގައި ހުންނަ މީހަކު އެހެން ވަޒީފާއެއް އަދާކޮށްފިނަމަ އޭނާ އެ މަގާމުން ވަކިވީ ކަމަށް ކޯޓުތަކުން ކަނޑައަޅައިފިނަމަ އެކަން ވެގެންދާނީ އެ މާއްދާއަށް ކޯޓުން އިތުރުކުރާ ކަމަކަށެވެ. އިތުރުކުރާ ޖަޒާއަކަށެވެ. މިއީ ގާނޫނުއަސާސީގެ ދަށުން ކޯޓަށް ލިބިގެންވާ ބާރެއް ނޫނެވެ. ހަމައެގޮތަށް، ގާނޫނުއަސާސީގެ 222 ވަނަ މާއްދާގައި ބުނެފައިވަނީ ޕްރޮސިކިއުޓަރ ޖެނެރަލް އަކީ "ޕްރޮސިކިއުޓަރ ޖެނެރަލް ކަމުގެ ވަޒީފާގެ އިތުރުން އެހެން ވަޒީފާއެއް އަދާކުރާ މީހަކަށް ވެގެނެއް ނުވާނެއެވެ." ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމުގައި ހުންނަ މީހަކަށް ގާނޫނުއަސާސީއިން މަނާކޮށްފައިވާ ފަދައިން އެހެން ވަޒީފާއެއް އަދާކޮށްފިނަމަ އެ މަގާމުން ވަކިވާނެ ކަމަށް ގާނޫނުއަސާސީގައި ބުނެފައެއް ނެތެވެ. އެހެން އެކަން އޮތުމުން، ޕްރޮސިކިއުޓަރ ޖެނެރަލް ކަމުގެ މަގާމުގައި ހުންނަ މީހަކު އެހެން ވަޒީފާއެއް އަދާކޮށްފިނަމަ އޭނާ އެ މަގާމުން ވަކިވީ ކަމަށް ކޯޓުތަކުން ކަނޑައަޅައިފިނަމަ އެކަން ވެގެންދާނީ އެ މާއްދާއަށް ކޯޓުން އިތުރުކުރާ ކަމަކަށެވެ. އިތުރުކުރާ އުގޫބާތަކަށެވެ. މިއީ ގާނޫނުއަސާސީގެ ދަށުން ކޯޓަށް ލިބިގެންވާ ބާރެއް ނޫނެވެ. އެކަންކަމަކީ ރައްޔިތުންގެ މަޖިލީހުން ހަދާ ގާނޫނުތަކުން ގޮތްތަކެއް ކަނޑައެޅުމަށް ގާނޫނުއަސާސީގައި ދޫކޮށްލާފައިވާ ކަންކަމެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިޚާބުވުމަށްފަހު އެއިން މެންބަރަކު މަގާމުން ވަކިވާނެ ކަމަށް ބުނެފައިވަނީ ހަމައެކަނި ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެ ނަމައެވެ. އެ ނޫންކަމަކާ ގުޅިގެން މެންބަރަކު މެންބަރުކަމުން ވަކިކުރެވިދާނެ ކަމަށް ގާނޫނުއަސާސީގައި ބުނެފައެއް ނެތެވެ. މެންބަރަކު މެންބަރުކަމުން ވަކިކުރެވިދާނެ އެނޫން އިތުރު އެއްވެސް ހާލަތެއް ގާނޫނުއަސާސީގައި ބަޔާންކޮށްފައި ނެތީސް އެފަދަ ހާލަތެއް އޮތްކަމަށް ކަނޑައަޅައިފިނަމަ އެކަންވާނީ ގާނޫނުއަސާސީއަށް ގެނެވޭ ބަދަލަކަށެވެ. ގާނޫނުއަސާސީގައި ބަޔާންކޮށްފައި ނެތް ކަމެއް ގާނޫނުއަސާސީއަށް އިތުރުކުރުމަށެވެ. މިއީ ގާނޫނުއަސާސީގެ ދަށުން ކޯޓަށް ލިބިގެންވާ ބާރެއް ނޫނެވެ. އެކަންކަމަކީ ގާނޫނު ހަދާ މަޖިލީހުގެ ތަޝްރީއީ ބާރުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

"ގާނޫނުއަސާސީގެ ބެލެނިވެރި ފަރާތް"މި މައްސަލަ މި ކޯޓަށް ހުށަހެޅި ފަރާތްތަކުން ސުޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ދެއްކި ވާހަކަތަކުގައި ބުނެފައިވަނީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ) ގެ ދަށުން މަނާކޮށްފައިވާ ވަޒީފާއެއް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އަދާކޮށްފިނަމަ އެ މެންބަރަކު ވަކިވާނެ ކަމަށް އެ މާއްދާގައި ސަރީހަ ބަހުން ބަޔާންކޮށްފައި ނެތް ނަމަވެސް ސުޕްރީމް ކޯޓަކީ ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ ބެލެނިވެރި ފަރާތް ކަމުގައި ވާތީވެ، ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ) ގައި މަނާކޮށްފައިވާ ވަޒީފާއެއް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އަދާކޮށްފިނަމަ، ގާނޫނުއަސާސީގެ 74 ވަނަ މާއްދާގެ ދަށުން އެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމަށް ކަނޑައެޅުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިގެންވާ ކަމަށް ބުނެފައިވާތީވެ، އެ ނުކުތާގެ މައްޗަށް ބަލައިލުމަކީ މުހިންމު ކަމެކެވެ.

'ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ ބެލެނިވެރި ފަރާތް' މި މަފްހޫމަކީ މީގެ ކުރިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ބައެއް ގަޒިއްޔާތަކުގައި ހަވާލާދީ ތަތުބީގުކޮށްފައިވާ މަފްހޫމެކެވެ. ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައިވާ ގަޒިއްޔާތަކުގައި މި މަފްހޫމު ބޭނުންކުރުމުގައި ގެންގުޅެފައިވާ ވިސްނުމަކީ: (1) ކޯޓަށް ފަރުވާއެއް ހޯދައި ނުދެވޭނޭ ދުސްތޫރީ މައްސަލައެއް ނޯންނާނެއެވެ؛ (2) އެއްވެސް ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓުން ނުނިންމާނަމަ އެ މައްސަލައަކަށް ހައްލެއް ނޯންނާނެއެވެ. އެހެންކަމުން، ދިވެހިރާއްޖޭގެ ގާނޫނުއަސާސީގައި މިފަދަ މަފްހޫމަކަށް ޖާގަދީފައިވޭތޯ ބެލުމަކީ ސުޕްރީމް ކޯޓުގެ ޝަރީއަތުގެ ކުރިމަތީގައި މިވާ މައްސަލަ ފައިސަލާކުރުމުގައި ރިއާޔަތްކުރަންޖެހޭ ކަމެކެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ސިޔާސީ ޕާޓީ ބަދަލުކުރުމާބެހޭ ގޮތުން ނުވަތަ ފްލޯ ކްރޮސްކުރުމާބެހޭ ގޮތުން ސުޕްރީމް ކޯޓުން 2017 ގައި ނިންމާފައިވާ މައްސަލައެއް ކަމަށްވާ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ގަޒިއްޔާ އާއި ސުޕްރީމް ކޯޓުގެ ކުރީގެ އެހެނިހެން ގަޒިއްޔާތަކުގައި "ގާނޫނުއަސާސީގެ ބެލެނިވެރި ފަރާތް" މި މަފްހޫމަށް ސުޕްރީމް ކޯޓުން ހަވާލާދީ، ދުސްތޫރީ މައްސަލަތައް ފައިސަލާކުރުމުގައި އެ މަފްހޫމު ތަތުބީގުކޮށްފައިވެއެވެ. ޚާއްސަކޮށް، ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ގަޒިއްޔާގައި ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) އާއި ގާނޫނުއަސާސީގެ 77 ވަނަ މާއްދާ ސުޕްރީމް ކޯޓުން ވަރަށް ފުޅާކޮށް މާނަކޮށް ގާނޫނުއަސާސީގެ 73 ވަނަ މާއްދާގައި ކަނޑައެޅި ބަޔާންވެފައިވާ ހާލަތެއްގައި ނޫނަސް ސުޕްރީމް ކޯޓުގެ ހުކުމަކުން ކަނޑައަޅާ ގޮތަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މެންބަރުކަމުން ވަކިކުރެވިދާނެ ކަމަށް ކަނޑައަޅާފައިވެއެވެ. މިގޮތަށް ކަނޑައެޅުމަކީ، ގާނޫނުއަސާސީ އިން ސުޕްރީމް ކޯޓަށް ދީފައިވާ ބާރެއް ނޫނެވެ. އަދި ސުޕްރީމް ކޯޓުން އެ ގަޒިއްޔާގައި ކަނޑައަޅާފައިވާ ގާނޫނީ ހައްލަކީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅި ބަންޑާރަނައިބުގެ ރައުޔުގައި ކިތަންމެ ބޭނުންތެރި ހައްލެއް ކަމުގައިވީ ނަމަވެސް ގާނޫނުއަސާސީގައި ބަޔާންކޮށްފައި ނުވާ ސަބަބަކަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ އިތުރު ސަބަބެއް ކަނޑައެޅުމަކީ ސުޕްރީމް ކޯޓުގެ ދުސްތޫރީ ބާރުގެ ތެރޭގައި ހިމެނޭ ކަމެއް ނޫނެވެ. އިސްވެ މަތީގައި ބަޔާންކުރި ފަދައިން ގާނޫނުއަސާސީ މާނަކުރުމުގައި ސިޔާސީ ވިސްނުންތަކަށާއި ސިޔާސީ ނުފޫޒުތަކަށް ރިއާޔަތްކޮށްގެން ނުވާނެއެވެ. ގާނޫނުއަސާސީ މާނަކުރުމުގައި ގާނޫނުއަސާސީގެ ސިޔާދަތު ހިފެހެއްޓުމަކީ އެންމެ އަސާސީ އުންސުރެވެ.

ފްލޯ ކްރޮސްކުރުމާބެހޭ ގޮތުން ސުޕްރީމް ކޯޓުން ނިންމާފައިވާ ނަންބަރު 2017/SC-C/17 ގަޒިއްޔާގައި، ކޮންމެހެން ހައްލުކުރަން ޖެހޭ ނުރައްކާތެރި ދުސްތޫރީ މައްސަލައެއް ދައުލަތަށް ކުރިމަތިވެފައިވާ ކަމަށާއި އެ މައްސަލަ ސުޕްރީމް ކޯޓުން ހައްލުކުރުމަކީ ޑިމޮކްރަސީ އާއި ދައުލަތް ދެމިއޮތުމަށް ކޮންމެހެން ސުޕްރީމް ކޯޓުން ކުރަންޖެހިފައިވާ ކަމެއްކަމަށް ބުނެ ގާނޫނުއަސާސީގެ ބެލެނިވެރި ފަރާތުގެ ނަމުގައި ގާނޫނުއަސާސީ މާނަކޮށް، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މެންބަރުކަމުން ވަކިވާނެ ހާލަތުތައް ކަމަށް ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ހާލަތުތަކުގެ އިތުރުން، އެ މެންބަރަކު އިންތިޚާބުވިއިރު ހުރި ސިޔާސީ ޕާޓީ އިން ވަކިވެއްޖެ ނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވެއެވެ. ނަމަވެސް މިފަދަ ހާލަތެއް މެދުވެރިވުމުން މެންބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށް ގާނޫނުއަސާސީ ޑްރާފްޓްކޮށް އެކަށައެޅި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ވިސްނުމަކު ނެތްކަން ޑްރާފްޓިން ކޮމިޓީގެ ޔައުމިއްޔާތަކުންނާއި ޚާއްސަ މަޖިލީހުގެ ތަޅަމުގައި ކުރެވިފައިވާ ބަހުސްތަކުން ސާފުކޮށް އެނގެއެވެ.

ފްލޯ ކްރޮސްކުރުމާބެހޭ ގޮތުން ސުޕްރީމް ކޯޓުން ނިންމާފައިވާ ނަންބަރު 2017/SC-C/17 ގަޒިއްޔާގެ ހުކުމުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 3 ވަނަ ނަންބަރުގެ (އ) ގައި ސުޕްރީމް ކޯޓުން ބުނެފައިވަނީ، "ދިވެހިރާއްޖޭގައި ގާއިމުވެފައިވާ ޕާޓީ ނިޒާމުގެ ދަށުން ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާ ކެނޑިޑޭޓުން، އެ ކެނޑިޑޭޓުން ނިސްބަތްވާ ޕާޓީގެ ފިކުރާއި އައިޑިއޮލޮޖީ ތަމްސީލުކުރާ މެނިފެސްޓޯއެއް އެ މެންބަރުން ނިސްބަތްވާ ދާއިރާއެއްގެ ރައްޔިތުންނަށް ހުށަހަޅައި، އެ ރައްޔިތުންގެ ތާއީދާއެކު ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވުމަށްފަހު، ތަފާތު ސިޔާސީ އަދި މާލީ ނުފޫޒުގައި ޖެހި، ރައްޔިތުންނަށް އެ މެންބަރުން ވެފައިވާ އަހްދާ ޚިލާފަށް އަދި އެ މެންބަރުން އިންތިޚާބުކުރި ދާއިރާގެ ރައްޔިތުންގެ މަސްލަހަތުގެ މައްޗަށް ފަރުދީ އަދި ޒާތީ މަސްލަހަތު އިސްކޮށް އެ މެންބަރުން ނިސްބަތްވާ ޕާޓީ ބަދަލުކުރަމުން އަންނަ ފެނޯމިނާ (ޡާހިރާ) އަކީ ދިވެހިރާއްޖޭގައި ގާއިމުވެފައިވާ މަލްޓި ޕާޓީ ޑިމޮކްރަސީގެ އިތުބާރު ރައްޔިތުންގެ މެދުގައި ގެއްލި، ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމު އޭގެ މައްޗަށް ބިނާވެގެންވާ އަސާސްތައް ބަލިކަށިވެ، ރައްޔިތުންގެ ސިޔާދަތަށް ނުރައްކާ ކުރިމަތި ކުރުވައި، ގާނޫނުގެ ހުކުމް ދައުލަތުގައި ނެގެހެއްޓުމަށް އޮތް ހުރަހެއްކަން ފާހަގަކުރެވިފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނިސްބަތްވާ ޕާޓީ ބަދަލުކުރުމުގެ ފެނޯމިނާ (ޡާހިރާ) އަކީ މިހާރުން މިހާރަށް ގާނޫނީ ގޮތުން މަނާކުރެވެންޖެހޭނެ ފެނޯމިނާ (ޡާހިރާ) އެއްކަން ފާހަގަކުރެވޭ" ކަމަށެވެ.

ފްލޯ ކްރޮސްކުރުމާބެހޭ ގޮތުން ސުޕްރީމް ކޯޓުން ނިންމާފައިވާ ނަންބަރު 2017/SC-C/17 ގަޒިއްޔާގެ ހުކުމުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 3 ވަނަ ނަންބަރުގެ (ފ) ގައި ސުޕްރީމް ކޯޓުން ބުނެފައިވަނީ، "ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެ ޕާޓީގެ ވިސްނުމާއި ފިކުރާއި އަދި އެ ޕާޓީގެ މެނިފެސްޓޯގައިވާ ކަންކަމުގެ ދިފާއުގައި ވަކާލާތުކޮށް އެ ޕާޓީގެ ފަރާތުން ރައްޔިތުންގެ މަޖިލިސް ތަމްސީލުކުރާ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި އިންތިޚާބުވުމަށްފަހު އެ ޕާޓީ ދޫކޮށް އެހެން ސިޔާސީ ޕާޓީއަކަށް ބަދަލުވުމުގެ ސަބަބުން އެކަމަކީ މުޅި ދައުލަތުގެ އަމްނު އަމާނަށާއި، ސިޔާދަތަށް ނުރައްކާ ކުރުވާ ކަމެއްކަމަށް ދައުލަތުގެ ބަންޑާރަ ނާއިބު ބަޔާންކޮށްފައިވާތީ، ބަންޑާރަ ނާއިބު ހުށަހަޅާފައިވާ ކަންކަމަށާއި، މުޅި ދައުލަތުގެ ސިލްމާއި ސަލާމާއި، އަދި މުޅި ދައުލަތުގެ އަމާންކަމާއި ސުލްހަ މަސަލަސްކަމާއި، އަދި މުޅި ދައުލަތުގެ ސިޔާދަތާއި މިނިވަންކަން ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި. . . ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ ދަށުން އަދުލުއިންސާފު ގާއިމުކުރުމުގެ އެންމެ އިސްފަރާތުގެ ހައިސިއްޔަތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިދީފައިވާ ގާނޫނުއަސާސީ އާއި ގާނޫނީ ބެލެނިވެރިކަމުގެ މައްޗަށް ރިއާޔަތްކޮށް ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) އާއި ގާނޫނުއަސާސީގެ 77 ވަނަ މާއްދާ އިބާރާތްކުރެވިފައިވާ ގޮތުގެ މައްޗަށް ބަލާއިރު، މި ދެ މާއްދާގައި ބަޔާންކުރެވިފައިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެ ނަމަ އެ މީހަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމަށް ބަޔާންކޮށްފައިވާއިރު، އެގޮތަށް އެ މާއްދާތަކުގައި އެ ހާލަތުތައް ބަޔާންކޮށްފައިވަނީ ޙަސްރުގެ (އެގްޒޯސްޓިވް ނުވަތަ ހިމަނައި އަދަދު ކަނޑައަޅާ) ސީޣާއިން ނޫން ކަމަށާއި، ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) އާއި ގާނޫނުއަސާސީގެ 77 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތްތައް ފިޔަވައި އެނޫން އެއްވެސް ހާލަތެއްގައި ރައްޔިތުންގެ މަޖިލީހަށް ހޮވިފައިވާ މެންބަރަކު އެ މަޖިލީހުގެ މެންބަރުކަމުން ވަކިނުވާނެ ކަމަށް މި ދެ މާއްދާގައި ސަރީހަ އިބާރާތުން ނުވަތަ ޒިމްނީ އިބާރާތަކުން ނަމަވެސް ބަޔާންކޮށްފައި ނުވާތީވެ . . . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ދެކެނީ މުޅި މުޖުތަމައުގެ ހައްގުގައި މި ގަޒިއްޔާއަށް ދިވެހި ދައުލަތުގެ ބަންޑާރަނައިބު ހުށަހަޅާފައިވާ ކަންކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ހައްލު ދިނުމުގެ ދުސްތޫރީ ޝަރުއިއްޔަތު ގާނޫނުއަސާސީ އިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިގެންވާ ކަމަށެވެ." އެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން އިންތިޚާބުވި ޕާޓީގެ މެންބަރުކަމުން ވަކިކުރުމާއި، އަމިއްލައަށް ވަކިވުމާއި ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން އިންތިޚާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެންބަރަކަށް ވުމާއި މި ތިން ހާލަތުންކުރެ ހާލަތެއް މި ގަޒިއްޔާގައި ހުކުމްކުރާ ތާރީޚުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް މެދުވެރިވެއްޖެ ނަމަ އެކަން މެދުވެރިވެއްޖެކަން އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އަންގާ ދުވަހުން ފެށިގެން އެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމަށް މި ގަޒިއްޔާގެ ހުކުމުގައި ކަނޑައަޅާފައިވެއެވެ.

ސުޕްރީމް ކޯޓާއި އެހެނިހެން ކޯޓުތައް އުފެދިފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އިންނެވެ. ސުޕްރީމް ކޯޓަށްވެސް އަދި އެހެން ކޯޓަކަށްވެސް ބާރު ލިބިގެންވަނީ ގާނޫނުއަސާސީއިން ބާރު ދިން މިންވަރަކަށެވެ. އެކަން އެނގެނީ ގާނޫނުއަސާސީގެ 8 ވަނަ މާއްދާއިންނެވެ. ކޯޓުތަކަށް ގާނޫނުއަސާސީއިން ދީފައިވާ ބާރުތައް ބަޔާންކޮށްފައިވަނީ ގާނޫނުއަސާސީގެ ހަވަނަ ބާބުގައެވެ. ގާނޫނުއަސާސީގެ 142 ވަނަ މާއްދާގެ ސަރީހަ ނައްސުން ގާނޫނުއަސާސީގެ ތަރަހައިން ބޭރަށް ކޯޓުތަކަށް ނުދެވޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ. "ފަނޑިޔާރުން އަމަލުކުރާނީ ގާނޫނުއަސާސީއަށާ ގާނޫނަށެވެ." ގާނޫނުއަސާސީއާ ގުޅޭގޮތުން ކަންކަން ނިންމުމަށް ގާނޫނުއަސާސީއިން ކޯޓުތަކަށް ދީފައިވާ ބާރުގެ މިންވަރު ބަޔާންކޮށްފައިވަނީ ގާނޫނުއަސާސީގެ 143 ވަނަ މާއްދާ އާއި 144 ވަނަ މާއްދާގައެވެ. އެ މާއްދާތަކުގައި ކޯޓުތަކަށް ބާރުދީފައިވަނީ ގާނޫނުއަސާސީގެ މާއްދާއެއް އޮޅުންއަރާނަމަ އެ މާއްދާއެއް މާނަކުރުމާއި ރައްޔިތުންގެ މަޖިލީހުން ހަދާ ގާނޫނަކީ ނުވަތަ ދައުލަތުގެ މުއައްސަސާއަކުން ނިންމާ ނިންމުމަކީ ނުވަތަ ދައުލަތުގެ މުވައްޒަފަކު ނިންމާ ނިންމުމަކީ ގާނޫނުއަސާސީއާ ޚިލާފުވާ ކަމެއްކަނަމަ އެކަން ބެލުމަށްފަހު ގޮތެއް ނިންމުމަށެވެ. ގާނޫނުއަސާސީ އިސްލާހުކުރުމަށް ނުވަތަ ގާނޫނުއަސާސީގައި ނެތް ކަމެއް އިތުރުކުރުމަށް ގާނޫނުއަސާސީއިން ކޯޓަށް ބާރު ދީފައި ނެތެވެ. ގާނޫނުއަސާސީގެ ބެލެނިވެރިޔާގެ ނަން ބޭނުންކޮށްގެން ގާނޫނުއަސާސީގައި ނެތްކަމެއް ގާނޫނުއަސާސީއަށް އިތުރުކުރުމަކީ ނުވަތަ ގާނޫނުއަސާސީގައި ހިމެނޭ މާއްދާއެއްގެ ބާރުނެތްކަމަށް ބަޔާންކުރުމަކީ ގާނޫނުއަސާސީގެ ސިޔާދަތާ ޚިލާފުކަމެކެވެ. ގާނޫނުއަސާސީއާ ޚިލާފަށް ނިންމާ ނިންމުމަކީ ސުޕްރީމް ކޯޓުން ނިންމާ ނިންމުމެއް ކަމަށް ވިޔަސް އެކަމަކީ ބާތިލުކަމަކަށް ވާނެކަން ގާނޫނުއަސާސީގެ 268 ވަނަ މާއްދާގެ އެންމެ ފަހު ޖުމްލައިގައި ބަޔާންކޮށްފައިވެއެވެ.

ރައްޔިތުން ބޭނުންވާ ގޮތް ކަނޑައަޅަން ރައްޔިތުން މެންޑޭޓް ދީފައިވާ ރައްޔިތުންގެ ޚާއްސަ މަޖިލީހުން ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތްތަކާ ޚިލާފަށް ރައްޔިތުންގެ ވަކީލުންގެ މައްޗަށް އައު އިލްތިޒާމެއް ކަނޑައެޅުމަށްޓަކައި ފަނޑިޔާރުގެއަށް ރައްޔިތުން މޭންޑޭޓެއް ދީފައިނުވާ ހިނދު، އަދި އެ ފަދަ ނިންމުމެއް ކޯޓުން ނިންމުމަކީ ގާނޫނުއަސާސީ އިން ކޯޓުތަކަށް ދީފައިވާ ބާރުގެ ހުދޫދުން ބޭރުވުމެވެ. މި މައްސަލައިގައި ހިމެނޭ ހާލަތުގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ދައުލަތުގެ ވަޒީފާއެއް އަދާކޮށްފިނަމަ، އެ މެންބަރެއްގެ މެންބަރުކަން ގެއްލޭނެ ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައި ނެތީސް، ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމުގައި ހުރެ ގާނޫނުއަސާސީއާ ޚިލާފަށް ވަޒީފާއެއް އަދާކޮށްފިނަމަ އެކަމުގެ ނަތީޖާއަކީ އެ މެންބަރުގެ މެންބަރުކަން ގެއްލޭނެ ކަމަށް ކޯޓުން ކަނޑައަޅައިފިނަމަ، އެކަން ވެގެންދާނީ ގާނޫނުއަސާސީގައި ކަނޑައަޅާފައި ނެތް ޖަޒާއެއް މެންބަރު ކުޅަ އަމަލާގުޅިގެން ކޯޓުން ދިނުންކަމަށެވެ. ގާނޫނުއަސާސީގައި މަނާކޮށްފައިވާ އަމަލަކަށް ވަކި ޖަޒާއެއް ކަނޑައެޅިފައި ނެތީސް، އެ މަނާ އަމަލާ ގުޅިގެން އެ މެންބަރެއްގެ މެންބަރުކަން ގެއްލިއްޖެ ކަމަށް ކޯޓުން ކަނޑައަޅައި އެ މަނާ އަމަލަށް ޖަޒާއެއް ކަނޑައަޅައި ދިނުމަށް އެދުމެކޭ އެ މަނާ އަމަލާ ގުޅިގެން އެ މެންބަރަކު ޖަލަށް ލައިދިނުމަށް ކޯޓުގައި އެދުމެކޭ ތަފާތެއް ނެތެވެ. ރައްޔިތުންގެ ރުހުން އޮވެގެން ގާނޫނުއަސާސީގައި ވަކި ގޮތަކަށް ކަނޑައަޅާފައި އޮތްކަމަކަށް ބަދަލު ގެނައުމަކީ ރައްޔިތުންނަށް ވެވޭ ބޭއިންސާފެކެވެ. ދުސްތޫރީ ދައުލަތުގެ ބާރުތަކުގެ އެންމެ މަތީ ހަރުފަތުގައި އޮންނަނީ ގާނޫނުއަސާސީ ކަމަށްވާއިރު، ގާނޫނުއަސާސީ މާނަކުރުމަށާއި ޖުޑިޝަލް ރިވިއުގެ މަސްއޫލިއްޔަތު ގާނޫނުއަސާސީއިން ކޯޓުތަކަށް ދީފައި އޮތް ނަމަވެސް ގާނޫނުއަސާސީ އިން ފަނޑިޔާރުންނަށް ދީފައިވާ މި މަސްއޫލިއްޔަތުގެ ސިފަބަދަލުކޮށްގެން، ގާނޫނުއަސާސީ މާނަކުރުމުގެ ތުނިފޭރާމުގައި ގާނޫނުއަސާސީ އޮތް ހަރުފަތުގެ މައްޗަށް އިތުރު ހަރުފަތެއް ހަދައިގެން، އެ ހަރުފަތުގައި ޖުޑިޝަރީ އޮތުމަކީ ދުސްތޫރީ ދައުލަތެއްގައި ގަބޫލުކުރެވޭނެ އުސޫލެއް ނޫނެވެ. ދުސްތޫރީ ހުރިހާ މައްސަލައެއްގެ ހައްލު އޮތީ ކޯޓުގައި ކަމަށް ގަބޫލުކުރުމަކީ ރަނގަޅުގޮތެއް ނޫނެވެ. ރައްޔިތުންގެ މަޖިލީހަކީ ޑިމޮކްރެޓިކް މެންޑޭޓެއް އޮތް ފަރާތަކަށް ވާތީވެ، ކޯޓުން ހައްލެއް ހޯދައިނުދެވޭނެ ބައެއް ކަންކަމަކީ ރައްޔިތުންގެ މަޖިލީހާ ގާނޫނުއަސާސީއިން ހަވާލުކޮށްފައިވާ މެންޑޭޓުގެ ތެރެއިން ހައްލު ހޯދަންޖެހޭ ކަންކަމެވެ. ރައްޔިތުންނަށް އެންމެ މަންފާހުރި ގޮތަކީ އަދި ދައުލަތުގެ ސިލްމާ ސަލާމަތާއި ސުލްހަ މަސަލަސްކަމަށް އެންމެ ރަނަގަޅުގޮތަކީ އަދި އެންމެ ރަނގަޅު ހައްލަކީ ކޮބައިކަން ކޯޓުތަކުގެ އިސްނެގުމަށް ކޯޓުތަކުން ނިންމުމަކީ ޑިމޮކްރެޓިކް ދައުލަތެއްގައި ކޯޓުތަކުގެ މަސްއޫލިއްޔަތެއް ނޫނެވެ. އެއީ ގާނޫނުގެ ވެރިކަމާއި މުޅިން އިދިކޮޅު ސިފައެކެވެ. އެކަންކަމަކީ ދައުލަތުގެ ސިޔާސަތު ކަނޑައަޅާފަރާތްތަކުގެ މަސްއޫލިއްޔަތެކެވެ. ގާނޫނުހަދާ ފަރާތުގެ މަސްއޫލިއްޔަތެކެވެ.

ކުރިންވެސް ބަޔާންކުރި ފަދައިން، ސުވާލަކީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ) ގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އަދާކުރުން މަނާކޮށްފައިވާ ވަޒީފާއެއް މަޖިލީހުގެ މެންބަރަކު އަދާކޮށްފިނަމަ އެ މެންބަރަކު މެންބަރުކަމުން ވަކިވާނެ ކަމަށް އެ އަކުރުގައި ނުވަތަ ގާނޫނުއަސާސީގެ އެއްވެސް މާއްދާއެއްގައި ބުނެފައި ނެތީސް، ގާނޫނުއަސާސީ މާނަކުރުމަށް ސުޕްރީމް ކޯޓަށް ލިބިފައިވާ ބާރުގެ ތެރެއިން އެ މާއްދާގެ އެ އަކުރަށް ބައެއް އިތުރުކޮށް، އެ އަކުރުގައި ބަޔާންކޮށްފައިވާ ވަޒީފާއެއް އަދާކުރާ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މެންބަރުކަމުން ވަކިވާނެ ކަމަށް ސުޕްރީމް ކޯޓަށް ކަނޑައެޅިދާނެ ހެއްޔެވެ.

ގާނޫނުއަސާސީގެ އެތައް ތަނެއްގައި، ރައްޔިތުންގެ މަޖިލީހުން ހަދާ ގާނޫނަކުން ހުސްތަންތަން ފުރަން، ނުވަތަ ތަފްސީލު ބަޔާންކުރުމަށް ދޫކޮށްލާފައިވެއެވެ. ގާނޫނުއަސާސީއަށް އަމަލުކުރަން ފަށާފަހުން މެދުވެރިވެދާނެ ހުރިހާ ކަމަކަށް ހުރިހާ ހާލަތަކަށް ހުރިހާ ހައްލެއް ގާނޫނުއަސާސީގައި ލިޔުމަކީ މުސްތަހީލުކަމެކެވެ. އެ ހުސްތަންތަން ފުރަންވާނީ ރައްޔިތުންގެ މަޖިލީހުން ހަދާ ގާނޫނުތަކުންނެވެ. އެއީ ދައުލަތުގެ ބާރުތައް ވަކިކުރެވިފައިވާ ވެރިކަމުގެ ނިޒާމެއްގައި ސުޕްރީމް ކޯޓުގެ ދައުރެއް ނޫނެވެ. ގާނޫނުއަސާސީއިން ވަނީ ވަރަށް މުގައްދަސް އަމާނާތެއް ރައްޔިތުންގެ މަޖިލިސްއާ މަތިކޮށްފައެވެ. ގާނޫނުއަސާސީގެ ތަރަހައިގެ މައްޗަށް ދައުލަތުގެ ނިޒާމް އާރާސްތުކޮށް ފުރިހަމަކޮށް ދުސްތޫރީ މަދަނިއްޔަތެއް ގާއިމްކުރުމުގެ މަސްއޫލިއްޔަތެވެ. އެކަން ކުރުމުގެ ޑިމޮކްރެޓިކް މެންޑޭޓް ގާނޫނުއަސާސީއިން ލިބިދީފައިވަނީ ރައްޔިތުންގެ މަޖިލީހަށެވެ. ގާނޫނުއަސާސީ އެކުލަވައިލި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ އުއްމީދަކީ ރައްޔިތުންގެ މަޖިލިސްއިން ރައްޔިތުންގެ އުއްމީދުތައް ފުރިހަމަކޮށް ދައުލަތުގެ ދުސްތޫރީ އޮނިގަނޑު އިތުރަށް ފުރިހަމަކުރުމެވެ.

ކުރިން ބަޔާންކުރި ފަދައިން ދައުލަތަށް ކުރިމަތިވެދާނެ ދުސްތޫރީ ހުރިހާ މައްސަލަތަކެއްގެ ހައްލު ގާނޫނުއަސާސީގައި ލިޔުމަކީ މުސްތަހީލުކަމެކެވެ. ގާނޫނުއަސާސީއަކީ ދައުލަތް ހިންގުމުގެ އެންމެ އަސާސީ އުސޫލުތަކާއި އަސާސީ އިޖުރާއަތުތައް ބަޔާންކުރާ މައި ގާނޫނެވެ. ގާނޫނުތަކުގެ ބިންގަލެވެ. ގާނޫނުއަސާސީ ޑްރާފްޓުކުރި ފަރާތްތަކުން އެއްވެސް ގޮތަކަށް ހީކޮށްފައިނުވާ ކަންތައްތަކެއް މެދުވެރިވެ، އެ ހާލަތަށް މުނާސަބު ޖަވާބެއް ގާނޫނުއަސާސީގައި ނެތުމަކީ ހުރިހާ ގައުމުތަކެއްގައިވެސް ދިމާވާ މައްސަލައެކެވެ. އެއީ ކޮންމެހެން ގާނޫނުއަސާސީގެ އުނިކަމެއް ނޫނެވެ. އެއްވެސް ގާނޫނުއަސާސީއަކީ އޭގެ ޒާތުގައި ގޯސް އެއްޗެއް ނޫނެވެ. ގާނޫނުއަސާސީ ރަނގަޅު އެއްޗަކަށް ހަދަންތިބީވެސް އަދި ގޯސް އެއްޗަކަށް ހަދަންތިބީވެސް ގާނޫނުއަސާސީ ތަންފީޒުކޮށް ހިންގަން ތިބި ފަރާތްތަކެވެ. ރައްޔިތުންގެ މަޖިލީހާއި ސަރުކާރާއި ކޯޓުތަކުގައެވެ.

ދައުވާކުރާ ފަރާތްތަކުން އެދިފައިވަނީ ސުޕްރީމް ކޯޓަށް ގާނޫނުއަސާސީ މާނަކުރުމަށް ގާނޫނުއަސާސީ އިން ދީފައިވާ ބާރުގެ ތެރެއިން ގާނޫނުއަސާސީގެ 73 ވަނަ މާއްދާގައި ބަޔާންކޮށްފައި ނެތްކަމެއް އެ މާއްދާގައި ހިމަނައި ދިނުމަށެވެ. މިފަދަ ހާލަތްތަކުގައި އަބަދުވެސް ސުޕްރީމް ކޯޓުން ހަނދާން ބަހައްޓަންޖެހޭނެ ކަމަކީ ގާނޫނުއަސާސީގެ 144 ވަނަ މާއްދާގެ ދަށުން ސުޕްރީމް ކޯޓާއި މަތިކުރެވިފައިވާ މަސްއޫލިއްޔަތަކީ ގާނޫނުއަސާސީ މާނަކުރުން ކަމާއި، ގާނޫނުއަސާސީއާ ބެހޭގޮތުން ސުޕްރީމް ކޯޓުގެ ބަހަކީ ފަހުބަސްކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވަނީ ހަމައެކަނި އެ ހާލަތުގައި އެކަނި ކަމެވެ. ކޯޓުތަކާ މަތިކުރެވިފައިވާ ގާނޫނުއަސާސީ މާނަކުރުމުގެ މަސްއޫލިއްޔަތު އޮންނަނީ ސެޕަރޭޝަން އޮފް ޕަވާރޒް ނުވަތަ ދައުލަތުގެ ބާރުތައް ވަކިކުރުމުގެ މަފްހޫމުގެ ތެރެއިން ހިފެހެއްޓިފައި ކަމެވެ. ސުޕްރީމް ކޯޓުން ގާނޫނުއަސާސީ މާނަކުރަންޖެހޭނީ ގާނޫނުއަސާސީއިން ސުޕްރީމް ކޯޓަށް ކަނޑައަޅާފައިވާ އިމުގެ ތެރެއިންނެވެ. ސުޕްރީމް ކޯޓަށްވެސް އަދި ރައްޔިތުންގެ މަޖިލީހަށްވެސް އަދި ސަރުކާރަށްވެސް ބާރު ލިބެނީ ގާނޫނުއަސާސީއިން ކަމާއި އަދި އެފަރާތަކަށް ގާނޫނުއަސާސީއިން ބާރު ދިން މިންވަރަކަށެވެ. މިކަން އޮޅޭގޮތަށް ކޯޓުން ހުކުމް ކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ހުރިހާ ދުސްތޫރީ މައްސަލައެއްގެ ހައްލަކީ ސުޕްރީމް ކޯޓުގެ ހުކުމެއް ނޫނެވެ. ގާނޫނުއަސާސީ ހިންގުމުގައި މެދުވެރިވާ މައްސަލަތައް ހައްލުކުރުމުގައި ދައުލަތުގެ އެހެން ބާރުތަކުގެ މަސްއޫލިއްޔަތަކީ ނެތް އެއްޗެއް ކަމަށް ބަލައިގެންނުވާނެއެވެ. ދުސްތޫރީ މައްސަލަތަކާއި، ގުޅޭގޮތުން ގާނޫނުއަސާސީގައި ހައްލެއް ބަޔާންކޮށްފައި ނެތްނަމަ އެކަމާބެހޭ ގޮތުން ގާނޫނެއް ހެދުމަށް ލަފާދިނުމަކީ ސުޕްރީމް ކޯޓަށް ކުރެވިދާނެ ކަމެކެވެ. ނަމަވެސް ސުޕްރީމް ކޯޓުން ގާނޫނެއް ނުހެދޭނެއެވެ.

މައްސަލަ ހުށަހެޅި ފަރާތުން އެދޭގޮތަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފިނަމަ ސުޕްރީމް ކޯޓުން ކުރާ ހުކުމްގެ ނަތީޖާ އަކަށް ވެގެންދާނީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ހ) ގައިވާ މަޖިލިސް މެންބަރެއްގައި ހުންނަންވާ ޝަރުތުތަކުގެ ތެރެއަށް އެ މާއްދާގެ (ރ) ގައިވާ ކަންތައްތައް ވެއްދުމާއި، 73 ވަނަ މާއްދާގެ (ނ) ގެ ތެރެއަށް 73 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ކަންކަން އިތުރުކޮށް، ގާނޫނުއަސާސީގައި ރައްޔިތުންގެ މަޖިލިސްގެ މެންބަރުންގައި ހުންނަން ޖެހޭ ޝަރުތުތައް ކަމަށް މިހާރު ބަޔާންކޮށްފައިވާ ޝަރުތުތަކުގެ ތެރެއަށް އިތުރު ޝަރުތު ވެއްދުން ކަމަށާއި، 73 ވަނަ މާއްދާގެ (ނ) ގައި މަޖިލިސްގެ މެންބަރުކަމަށް ކުރިމަތިލާ މީހަކު ޑިސްކޮލިފައިވާ އަދި ހޮވިފައިވާ މީހަކު މެންބަރުކަމުން ވަކިވާނެ ކަމަށް ބަޔާންކޮށްފައިވާ ހާލަތްތަކުގެ ތެރެއަށް އިތުރު ހާލަތެއް އިތުރު ކުރުން ކަމަށެވެ. މިފަދަ ބަދަލެއް ގާނޫނުއަސާސީއަށް ގެނެސް ގާނޫނުއަސާސީގެ 73 ވަނަ މާއްދާ ރޫޅާލުމަކީ ގާނޫނުއަސާސީގެ އެއްވެސް މާއްދާއަކުން ސުޕްރީމް ކޯޓަށް ބާރުދީފައިވާ ކަމެއް ނޫނެވެ. އެ މާއްދާގެ އެ އަކުރުގައި ނެތް ކަމެއް އެ މާއްދާއަށް ވެއްދުމަކީ ގާނޫނުއަސާސީއަށް ގެނެވޭނޭ އުނިއިތުރެކެވެ. އެއީ އެއްވެސް ހާލެއްގައި ސުޕްރީމް ކޯޓަށް ދީފައިވާ ގާނޫނުއަސާސީ މާނަކުރުމުގެ ތެރޭގައި ހިމެނޭ ކަމެއް ނޫނެވެ. ގާނޫނުއަސާސީއަށް އެއްވެސް ބަދަލެއް ގެނެވޭނީ ގާނޫނުއަސާސީގެ 12 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

ނިންމުންމަތީގައިވާ ބަޔާންކުރެވުނު ސަބަބުތަކަށްޓަކައި އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް ގެ ކައުންސިލުގެ މެންބަރުކަމަކީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ) ގެ (8) ގައި ބަޔާންކުރާ ދައުލަތުގެ ވަޒީފާ އެއް ކަމަށް ނުވަތަ އެއީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ) ގެ (3) ގައި ބަޔާންކުރާ މުސްތަގިއްލު ކޮމިޝަނެއްގެ މެންބަރުކަން ނުވަތަ މުސްތަގިއްލު މަގާމެއް ކަމަށް ބަލާނެ ގާނޫނީ ހަމައެއް ނެތެވެ. އަދި ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަދާކުރުން މަނާކޮށްފައިވާ ވަޒީފާއެއް މެންބަރަކު އަދާކޮށްފިނަމަ، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމަށް ބަލާނެ ހަމައެއް ނެތެވެ.

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، މަތީގައިވާ ބަޔާންކުރެވުނު ސަބަބުތައް އެހެން ހުރުމުން:

އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް ގެ ކައުންސިލުގެ މެންބަރުކަމަކީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ) ގެ (8) ގައި ބަޔާންކުރާ ދައުލަތުގެ ވަޒީފާ އެއް ނުވަތަ އެއީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ) ގެ (3) ގައި ބަޔާންކުރާ މުސްތަގިއްލު ކޮމިޝަނެއްގެ މެންބަރުކަން ނުވަތަ މުސްތަގިއްލު މަގާމެއް ކަމަށް ބަލާނެ ގާނޫނީ ހަމައެއް ނެތްކަމަށް މި މައްސަލަ ބެލި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައިފީމެވެ. އަދި،

ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ) ގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަދާކުރުން މަނާކޮށްފައިވާ ވަޒީފާއެއް މެންބަރަކު އަދާކޮށްފިނަމަ، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމަށް ބަލާނެ ހަމައެއް ނެތް ކަމަށް މި މައްސަލަ ބެލި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައިފީމެވެ. އަދި،

ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބުޢަބްދުﷲ، އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް ގެ ވަގުތީ ކައުންސިލުގެ މެންބަރުކަމަށް އައްޔަންކުރުމުން، އެ މަގާމު ޔައުގޫބު ޢަބްދުﷲ ގަބޫލުކުރި ކުރުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ) ގެ (3) ވަނަ ނަންބަރާއި (8) ވަނަ ނަންބަރުގައި ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ މެންބަރުން އަދާކުޅައުން މަނާކޮށްފައިވާ ވަޒީފާއެއް އަދާކުރުން ނޫންކަމަށް މި މައްސަލަ ބެލި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައިފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

ޢާއިޝާ ޝުޖޫން މުޙައްމަދުޙުސްނުއްސުޢޫދުމަޙާޒު ޢަލީ ޒާހިރު(ރިޔާސަތު)

ޢަލީ ރަޝީދު ޙުސައިންމުޙައްމަދު އިބްރާހީމް

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ