މޯލްޑިވްސް އިމިގްރޭޝަން
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު B5-CR1/CA/2019/3963
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ސާބިތު ދަރަނީގެ ޙުކުމް ތަންފީޛުކުރުމުގެ މަރުޙަލާގައި ދަރަނިވެރިންގެ ޕާސްޕޯޓު ކެންސަލްކުރުމަށް މޯލްޑިވްސް އިމިގްރޭޝަނަށް އަމުރުކުރުމުގެ ބާރު 'ރަހުނެއް ނުހިމެނޭ ސާބިތު ދަރަނީގެ މުޢާމަލާތްތަކުގައި ޢަމަލުކުރަންވީ ގޮތުގެ ޤަވާޢިދު'ގެ 10 ވަނަ މާއްދާގެ ދަށުން ސިވިލް ކޯޓަށް ލިބިގެންވޭތޯއާއި، މި އަމުރުތައް އިސްތިއުނާފުކުރުމުގެ ޞިފަތު ދައުލަތަށް ލިބިގެންވޭތޯ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުދަށުކޯޓުގެ ކޯޓު އަމުރުތައް ބާޠިލު (އަޣްލަބިއްޔަތުން)
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ރަހުނެއް ނުހިމެނޭ ސާބިތު ދަރަނީގެ މުޢާމަލާތްތަކުގައި ޢަމަލުކުރަންވީ ގޮތުގެ ޤަވާޢިދުގެ 10 ވަނަ މާއްދާގެ (ހ) ގައި ކޯޓަށް ދީފައިވާ ބާރަކީ ކޯޓުގެ ހުއްދަނެތި ދަރަނިވެރިޔާ ރާއްޖެއިން ބޭރަށް ނުދެވޭނެ ގޮތަށް ޕާސްޕޯޓު ހިފެހެއްޓުމަށް އަމުރުކުރުމުގެ ބާރެވެ؛ ޕާސްޕޯޓު ކެންސަލްކުރުމުގެ/ބާޠިލުކުރުމުގެ ބާރެއް އެ މާއްދާއިން ނުލިބެއެވެ.
HN2 ދިވެހި ޕާސްޕޯޓާބެހޭ ގަވާއިދުގައި ޕާސްޕޯޓު ހިފެހެއްޓުމާއި ކެންސަލްކުރުމުގެ ހަމަތައް ވަކި ވަކި މާއްދާތަކުން ބަޔާންކޮށް ތަފާތު އިޖުރާއަތު ކަނޑައަޅާފައިވާއިރު، ކެންސަލްކުރުމަކީ ޕާސްޕޯޓު ބާޠިލުކޮށް އަލުން ހައްދަންޖެހޭ ކަމެއް ކަމުން، ޕާސްޕޯޓު ހިފެހެއްޓުމާއި ކެންސަލްކުރުމަކީ އެއް މާނައެއް ދޭހަވާ، އެއް އިޖުރާއަތެއް ހިމެނޭ، އެއް ނަތީޖާއެއް ނިކުންނަ ކަމެއް ނޫނެވެ.
HN3 ކެންސަލްކުރަން އަމުރުކުރީ އަމިއްލަ ފަރުދުންގެ ޕާސްޕޯޓު ނަމަވެސް، އަމުރު ރައްދުވަނީ މޯލްޑިވްސް އިމިގްރޭޝަނަށް ކަމަށްވެފައި، ޤަވާޢިދާ ޚިލާފަށް ކެންސަލްކުރުމަށް އެންގުމަށް އިސްތިއުނާފު ބިނާވާތީ، މި މައްސަލަ އިސްތިއުނާފުކުރުމުގެ ޞިފަތު ދައުލަތަށް ލިބިގެންވެއެވެ (އަޣްލަބިއްޔަތު).
HN4 ދަތުރުފަތުރުކުރުމާއި ރާއްޖެއިން ބޭރަށް ފުރުމުގެ މިނިވަންކަން (ޤާނޫނުއަސާސީގެ 41 ވަނަ މާއްދާ) ހިފެހެއްޓޭނީ ނުވަތަ ހަނިކުރެވޭނީ ޤާނޫނަކުން ހުއްދަ ލިބިގެން ޤާނޫނީ އިމުގެ ތެރެއިން ކަމުން، ޤާނޫނަކުން ހުއްދަނުދޭ ބާރެއް ކޯޓުން ބޭނުންކޮށް ނުވަތަ ހުއްދަ ލިބޭ ގޮތަށް މާނަކޮށް އަސާސީ މިނިވަންކަން ނިގުޅައިގަތުމަކީ ޤާނޫނުއަސާސީއާ ޚިލާފު ކަމެކެވެ.
HN5 ޤާނޫނެއްގައިވާ ބަހެއް ނުވަތަ ޢިބާރާތެއްގެ މާނައެއް ބޭނުންކުރި ގޮތުން ސާފުކޮށް ދޭހަވާނަމަ އެ މާނަ ފުޅާކުރުމާއި އޭގައި ނުހިމެނޭ ކަންތައް ހިމެނުމަކީ ރަނގަޅު ގޮތެއް ނޫނެވެ (ޤާނޫނު ނަންބަރު 14/2011 ގެ 3 ވަނަ މާއްދާ؛ އެސް.ޕީ.އެޗް ވ. ޖުމެއިރާ). ޤާނޫނުއަސާސީއަށް ނުވަތަ ޤާނޫނަކަށް ނުވަތަ ގަވާއިދަކަށް އޭގައި ނުހިމެނޭ ކަމެއް އިތުރުކުރުމަކީ ކޯޓަށް ލިބިގެންވާ ބާރެއް ނޫނެވެ (ސުޕްރީމް ކޯޓުގެ 2020/SC-C/78، 2020/SC-C/79).
HN6 ޤަވާޢިދުން ކޯޓަށް ދީފައިނުވާ ޕާސްޕޯޓު ކެންސަލްކުރުމުގެ ބާރު ތަރުޖަމާކޮށް ގަވާއިދަށް އިތުރުކުރުމަކީ ކޯޓުގެ ބާރު ފުޅާކޮށް އަސާސީ މިނިވަންކަން ޤާނޫނުއަސާސީއާ ޚިލާފަށް ހިފެހެއްޓުން ކަމުން، އެފަދަ ބާރެއްގެ ދަށުން ނެރޭ އަމުރުތައް ބާޠިލުކުރަންޖެހޭނެއެވެ.
HN7 އަމުރެއް މުރާޖަޢާކުރަން އެ އަމުރު ނެރުނު ކޯޓުގައި އެދި، އެ ކޯޓުން ދިން ޖަވާބުގެ ތާރީޚުން ފެށިގެން އިސްތިއުނާފުގެ މުއްދަތުގެ ތެރޭގައި އިސްތިއުނާފު ހުށަހަޅާނަމަ، އެ އިސްތިއުނާފަކީ މުރާޖަޢާގެ ނިންމުމުގެ އިސްތިއުނާފެއްގެ ގޮތުގައި ބަލައިގަނެވޭނެ އިސްތިއުނާފެކެވެ (ސުޕްރީމް ކޯޓުގެ 2015/06/SC ސަރކިއުލަރ).
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ފަނޑިޔާރު ޙުޒައިފާ މުޙައްމަދު، ފަނޑިޔާރު ޙުސައިން މަޒީދު، ފަނޑިޔާރު ފާޠިމަތު ފަރްހީޒާ
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ފަނޑިޔާރު ޙުސައިން މަޒީދު
- ޚިލާފު ރައުޔު
- ފަނޑިޔާރު ފާޠިމަތު ފަރްހީޒާ
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ކޯޓުން ޕެރެގްރާފް ނަންބަރު ޖަހާފައި ނުވާތީ، [ ] ތެރޭގައިވާ ނަންބަރުތައް ޖަހާފައިވަނީ ސަޢީދު ލެކްސް އިން.
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޝަރީޢަތް ނިމުނުގޮތް
ޤަޟިއްޔާ ނަންބަރު: 2021/HC-A/100
އިސްތިއުނާފުކުރި ފަރާތް: ދިވެހި ދައުލަތް (މޯލްޑިވްސް އިމިގްރޭޝަން)
އިސްތިއުނާފު ރައްދުވި ފަރާތް: ނެތް
މައްސަލައިގެ ބާވަތް:ކޯޓު އަމުރު
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޙުޒައިފާ މުޙައްމަދު
ފަނޑިޔާރު ޙުސައިން މަޒީދު
ފަނޑިޔާރު ފާޠިމަތު ފަރްހީޒާ
އިސްތިއުނާފުކުރެވުނު މައްސަލަ:
ނަންބަރު: B5-CR1/CA/2019/3963
ނިންމި ތަން: ސިވިލް ކޯޓު
ބާވަތް: ކޯޓު އަމުރު
ނިންމި ތަން: ސިވިލް ކޯޓު
ބާވަތް: ކޯޓު އަމުރު
ނިންމި ތަން: ސިވިލް ކޯޓު
ބާވަތް: ކޯޓު އަމުރު
ނިންމި ތަން: ސިވިލް ކޯޓު
ބާވަތް: ކޯޓު އަމުރު
ނިންމި ތަން: ސިވިލް ކޯޓު
ބާވަތް: ކޯޓު އަމުރު
ހުށަހެޅުނު ތާރީޚް: 25 ނޮވެމްބަރު 2019 ނިމުނު ތާރީޚް: 25 ނޮވެމްބަރު 2019
އިސްތިއުނާފުކުރި ފަރާތް އިސްތިއުނާފު ރައްދުވި ފަރާތް
ދިވެހި ދައުލަތް (މޯލްޑިވްސް އިމިގްރޭޝަން) ޤާނޫނީ ވަކީލު : ސީނިއަރ ސްޓޭޓް އެޓަރނީ އީމާން މުޙައްމަދު ރަޝީދު
ޤާނޫނީ ވަކީލު: ސްޓޭޓް އެޓަރނީ ސާދިޙު ނަޞީރު (ނެތް)
މަދަނީ - ކޯޓު އަމުރު - ޕާސްޕޯޓު ކެންސަލްކުރުން
ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔު
ތަޢާރުފު
[1]މިއީ ސިވިލް ކޯޓުގެ 25 ނޮވެމްބަރު 2019ގެ ނަންބަރު B5-CR1/CA/2019/3963 ކޯޓު އަމުރާއި، ނަންބަރު B5-CR1/CA/2019/3973 ކޯޓު އަމުރާއި، ނަންބަރު B5-CR1/CA/2019/3975 ކޯޓު އަމުރާއި، ނަންބަރު B5-CR1/CA/2019/3976 ކޯޓު އަމުރާއި އަދި ނަންބަރު B5-CR1/CA/2019/3977 ކޯޓު އަމުރަކީ ޙުކުމް ތަންފީޛުކުރުމުގެ މަރުހަލާގައި ނެރެފައިވާ އަމުރުތަކެއްކަމުން، އެ އަމުރުތަކުގައި އެ އަމުރު ނިސްބަތްވާ ފަރާތްތަކުގެ ޕާސްޕޯޓު ކެންސަލްކުރުމަށް މޯލްޑިވްސް އިމިގްރޭޝަންގެ މައްޗަށް އަންގާފައިވަނީ "ރަހުނެއް ނުހިމެނޭ ސާބިތު ދަރަނީގެ މުޢާމަލާތްތަކުގައި ޢަމަލުކުރަންވީ ގޮތުގެ ޤަވާޢިދު"ގެ 10 ވަނަ މާއްދާއާ ޚިލާފަށްކަށް ކަމަށް ބުނެ، މި އަމުރުތަކަކީ ބާޠިލު އަމުރުތަކެއްކަމަށް ކަނޑައެޅުމަށް އެދި ދިވެހި ދައުލަތުން (މޯލްޑިވްސް އިމިގްރޭޝަން) (މީގެ ފަހުން "ދިވެހި ދައުލަތް") ހުށަހެޅުމުން ބެލުނު މައްސަލައެކެވެ.
[2]މި ޤަޟިއްޔާގައި، މި އިސްތުއިނާފީ ދަޢުވާ ރައްދުވާ ފަރާތެއް ބަޔާންކޮށްފައިނުވެއެވެ.
މައްސަލައިގައި ކަންހިނގާފައިވާ ގޮތް
[3]ސިވިލް ކޯޓުގައި ހިނގަމުން ދިޔަ ސާބިތު ދަރަނީގެ މުޢާމަލާތްތަކާއި ގުޅިގެން، އެ ދަރަނިތަކުގެ ޙުކުމްތަންފީޛު މަރުހަލާގައި ސިވިލް ކޯޓުން އަމުރުތަކެއް ނެރުއްވާފައިވެއެވެ.
[4]މިގޮތުން ސިވިލް ކޯޓުގެ އަމުރުތަކުގައި، ސާބިތު ދަރަނީގެ މައްސަލަ ލިބޭ ފަރާތްތަކުގެ ޕާސްޕޯޓު، އެ އަމުރު ލިބޭ ހިނދުން ފެށިގެން ކެންސަލް ކުރުމަށް މޯލްޑިވްސް އިމިގްރޭޝަންގެ މައްޗަށް އަމުރު ކޮށްފައިވެއެވެ.
[5]އެގޮތަށް އަމުރުކުރުމުން ދައުލަތުގެ ފަރާތުން އިސްވެ ބުނެވުނު އަމުރުތައް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވެއެވެ.
ސިވިލް ކޯޓުގެ އަމުރުތައް
[6]އިސްތިއުނާފު މިކުރެވޭ ސިވިލް ކޯޓުގެ ނަންބަރު B5-CR1/CA/2019/3963 (25 ނޮވެމްބަރު 2019) ކޯޓު އަމުރަށް ބެލިއިރު، އެ އަމުރަކީ އެކޯޓުގެ ނަންބަރު 318/Cv-C/2019 ޤަޟިއްޔާއާ ގުޅިގެން މާލެ މއ.ކޮރޮނެޓްޕީކް، ސައިފް އިބްރާހީމް (އައިޑީކާޑު ނަންބަރު (A119732 ގެ ޕާސްޕޯޓު ކެންސަލް ކުރުމަށް މޯލްޑިވްސް އިމިގްރޭޝަނަށް އަންގާ އަމުރުކޮށްފައިވާ އަމުރެކެވެ.
[7]އިސްތިއުނާފު މިކުރެވޭ ސިވިލް ކޯޓުގެ ނަންބަރު B5-CR1/CA/2019/3973 (25 ނޮވެމްބަރު 2019) ކޯޓު އަމުރަށް ބެލިއިރު، އެ އަމުރަކީ އެކޯޓުގެ ނަންބަރު 330/Cv-C/2019 ޤަޟިއްޔާއާ ގުޅިގެން މާލެ ވ. ރާހި، މުޙައްމަދު ބާޤިރު (އައިޑީކާޑު ނަންބަރު A042112) ގެ ޕާސްޕޯޓު ކެންސަލް ކުރުމަށް މޯލްޑިވްސް އިމިގްރޭޝަނަށް އަންގާ އަމުރުކޮށްފައިވާ އަމުރެކެވެ.
[8]އިސްތިއުނާފު މިކުރެވޭ ސިވިލް ކޯޓުގެ ނަންބަރު B5-CR1/CA/2019/3975 (25 ނޮވެމްބަރު 2019) ކޯޓު އަމުރަށް ބެލިއިރު،އެ އަމުރަކީ އެ ކޯޓުގެ ނަންބަރު 1035/Cv-C/2019 ޤަޟިއްޔާއާ ގުޅިގެން މާލެ ދަފްތަރު ނަންބަރު 8882، މުޚްތާރު އާދަމް (އައިޑީކާޑު ނަންބަރު (A012245 ގެ ޕާސްޕޯޓު ކެންސަލް ކުރުމަށް މޯލްޑިވްސް އިމިގްރޭޝަނަށް އަންގައި އަމުރުކޮށްފައިވާ އަމުރެކެވެ.
[9]އިސްތިއުނާފު މިކުރެވޭ ސިވިލް ކޯޓުގެ ނަންބަރު B5-CR1/CA/2019/3976 (25 ނޮވެމްބަރު 2019) ކޯޓު އަމުރަށް ބެލިއިރު، އެއަމުރަކީ އެކޯޓުގެ ނަންބަރު 309/Cv-C/2019 ޤަޟިއްޔާއާ ގުޅިގެން މާލެ މއ.ބިންމާވިލާ، އިސްމާޢީލް ވަޙީދު (އައިޑީކާޑު ނަންބަރު A033763) ގެ ޕާސްޕޯޓު ކެންސަލް ކުރުމަށް މޯލްޑިވްސް އިމިގްރޭޝަނަށް އަންގާ އަމުރުކޮށްފައިވާ އަމުރެކެވެ.
[10]އިސްތިއުނާފު މިކުރެވޭ ސިވިލް ކޯޓުގެ ނަންބަރު B5-CR1/CA/2019/3977 ކޯޓު އަމުރަށް ބެލިއިރު،އެއަމުރަކީ އެކޯޓުގެ ނަންބަރު 1102/Cv-C/2019 ޤަޟިއްޔާއާ ގުޅިގެން ފ. ނިލަންދޫ އަސަރީގެ، އަޙްމަދު ޝަފާޒް (އައިޑީކާޑު ނަންބަރު A111943) ގެ ޕާސްޕޯޓު ކެންސަލް ކުރުމަށް މޯލްޑިވްސް އިމިގްރޭޝަނަށް އަންގާ އަމުރުކޮށްފައިވާ އަމުރެކެވެ.
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާ
[11]ސިވިލް ކޯޓުގެ ނަންބަރު B5-CR1/CA/2019/3963 ކޯޓު އަމުރާއި، ނަންބަރުB5-CR1/CA/2019/3973 ކޯޓު އަމުރާއި، ނަންބަރު B5-CR1/CA/2019/3975 ކޯޓު އަމުރާއި، ނަންބަރު B5-CR1/CA/2019/3976 ކޯޓު އަމުރާއި އަދި ނަންބަރު B5-CR1/CA/2019/3977 ކޯޓު އަމުރުތައް އިސްތިއުނާފުކުރަމަށް ދައުލަތުން ހުށަހަޅާފައިވަނީ 01 (އެކެއް) ނުކުތާއެވެ. މި ގޮތުން ހުށަހަޅާފައިވާ ނުކުތާއަކީ؛
[12]ސިވިލް ކޯޓުގެ ނަންބަރު B5-CR1/CA/2019/3963 ކޯޓު އަމުރާއި، އެ ކޯޓުގެ ނަންބަރުB5-CR1/CA/2019/3973 ކޯޓު އަމުރާއި، އެ ކޯޓުގެ ނަންބަރު B5-CR1/CA/2019/3975 ކޯޓު އަމުރާއި، އެ ކޯޓުގެ ނަންބަރު B5-CR1/CA/2019/3976 ކޯޓު އަމުރާއި، އަދި އެ ކޯޓުގެ ނަންބަރު B5-CR1/CA/2019/3977 ކޯޓު އަމުރުތަކަކީ ޙުކުމް ތަންފީޛު މަރުޙަލާގައި ނެރުއްވާފައިވާ އަމުރުތަކެއްކަމުގައިވާތީ، އެ އަމުރުތަކުގައި އެ އަމުރު ނިސްބަތްވާ ފަރާތްތަކުގެ ޕާސްޕޯޓު ކެންސަލް ކުރެއްވުމަށް އަންގަވާފައިވަނީ ރަހުނެއް ނުހިމެނޭ ސާބިތު ދަރަނީގެ މުޢާމަލާތްތަކުގައި ޢަމަލުކުރަންވީ ގޮތުގެ ޤަވާޢިދުގެ 10 ވަނަ މާއްދާއާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
[13]އިސްތިއުނާފީ ނުކުތާތަކާމެދު ޝަރީޢަތުން ރިޢާޔަތްކުރިގޮތް
[14]ރަހުނެއް ނުހިމެނޭ ސާބިތު ދަރަނީގެ މުޢާމަލާތްތަކުގައި ޢަމަލު ކުރަންވީގޮތުގެ ޤަވާޢިދުގައިވާ ގޮތުން ޕާސްޕޯޓު ކެންސަލްކުރެވިދާނެތޯ؟
[15]ސިވިލް ކޯޓުގެ ނަންބަރު B5-CR1/CA/2019/3963 ކޯޓު އަމުރުން ސައިފް އިބްރާހީމްގެ ޕާސްޕޯޓު ކެންސަލްކުރުމަށް 25 ނޮވެމްބަރު 2019 ގައި މޯލްޑިވްސް އިމިގްރޭޝަންގެ މައްޗަށް ކޮށްފައިވާ ކޯޓު އަމުރަށާއި، ސިވިލް ކޯޓުގެ ނަންބަރު B5-CR1/CA/2019/3973 ކޯޓު އަމުރުން މުޙައްމަދު ބާޤިރުގެ ޕާސްޕޯޓު ކެންސަލްކުރުމަށް 25 ނޮވެމްބަރު 2019ގައި މޯލްޑިވްސް އިމިގްރޭޝަންގެ މައްޗަށް ކޮށްފައިވާ ކޯޓު އަމުރަށާއި، ސިވިލް ކޯޓުގެ ނަންބަރު B5-CR1/CA/2019/3975 ކޯޓު އަމުރުން މުޚްތާރު އާދަމްގެ ޕާސްޕޯޓު ކެންސަލްކުރުމަށް 25 ނޮވެމްބަރު 2019ގައި މޯލްޑިވްސް އިމިގްރޭޝަންގެ މައްޗަށް ކޮށްފައިވާ ކޯޓު އަމުރަށާއި، ސިވިލް ކޯޓުގެ ނަންބަރު B5-CR1/CA/2019/3976 ކޯޓު އަމުރުން އިސްމާޢީލް ވަޙީދުގެ ޕާސްޕޯޓު ކެންސަލްކުރުމަށް 25 ނޮވެމްބަރު 2019ގައި މޯލްޑިވްސް އިމިގްރޭޝަންގެ މައްޗަށް ކޮށްފައިވާ ކޯޓު އަމުރަށާއި، އަދި ސިވިލް ކޯޓުގެ ނަންބަރު B5-CR1/CA/2019/3977 ކޯޓު އަމުރުން އަޙްމަދު ޝަފާޒްގެ ޕާސްޕޯޓު ކެންސަލްކުރުމަށް 25 ނޮވެމްބަރު 2019ގައި މޯލްޑިވްސް އިމިގްރޭޝަންގެ މައްޗަށް ކޮށްފައިވާ ކޯޓު އަމުރުތަކަށް ބެލުމުން، މި ކޯޓު އަމުރުތައް ނެރުމުގައި ޙަވާލާދޭ މަސްދަރެއް ފާހަގަކޮށްފައެއްނުވެއެވެ. އެހެނަސް، މި ކޯޓު އަމުރުތައް މުރާޖަޢާކޮށްދިނުމަށް އެދި އެޓަރނީ ޖެނެރަލް އޮފީހުން އެދުމުން، ސިވިލް ކޯޓުން މިކަމަށް ދީފައިވާ ޖަވާބުގައި "ރަހުނެއް ނުހިމެނޭ ސާބިތު ދަރަނީގެ މުޢާމަލާތްތަކުގައި ޢަމަލު ކުރަންވީ ގޮތުގެ ޤަވާޢިދު"ގެ 10 ވަނަ މާއްދާގެ (ހ) އަށް ޙަވާލާދީ، އެ ޖަވާބުގެ 1 ވަނަ ނުކުތާގެ (ށ) ގައި އަންނަނިވި ފަދައިން ފާހަގަކޮށްފައިވެއެވެ.
[16]"ރަހުނެއް ނުހިމެނޭ ސާބިތުދަރަނީގެ މުޢާމަލާތްތަކުގައި ޢަމަލުކުރަންވީ ގޮތުގެ ގަވާއިދު" ގެ 10 ވަނަ މާއްދާގެ (ހ) ގައި "ކޯޓުގެ ހުއްދަ ނެތި ފައިސާ ދައްކަންޖެހޭ ފަރާތް ރާއްޖެއިން ބޭރަށް ނުދެވޭގޮތަށް ޕާސްޕޯރޓް ހިފެހެއްޓުމަށް އަމުރުކުރުން" ގެ އިޚްތިޔާރު ކޯޓަށް ލިބިފައިވާއިރު، ޕާސްޕޯރޓް ކެންސަލްކުރުމުގެ އަމުރު ކުރެވިފައިވާ ފަރާތްތަކަކީ ކޯޓުގެ ހުއްދަނެތި ރާއްޖެއިން ބޭރަށް ގޮސްފައިވާ ފަރާތްތަކެއް ކަމުގައި ވުމުން، މިޙާލަތުގައި ބުނެވުނު މާއްދާގެ ރޫޙަކީ ދަރަނިވެރިން ކޯޓަށް ހާޟިރުކޮށް، ޖަވާބުދާރީކުރުމަށްޓަކައި ކޯޓުން ބޭރުވެއްޖެ ހިނދެއްގައި ދައުވާލިބޭ ފަރާތްތައް ކޯޓަށް ޙާޟިރުކުރެވޭނެ މަގުފަހިކޮށްފައި ބޭއްވުންކަމަށް ކޯޓަށް ޤަބޫލުކުރެވޭއިރު، ޕާސްޕޯރޓަކީ ދިގުމުއްދަތަކަށް ދޫކުރެވޭ ލިޔުމެއްކަމުން އަރަނިވެރިންގެ މަޞްލަޙަތަށާއި، ފުރައިގެންދިޔަ ފަރާތްތަކުން ކުޅަ ގަވާއިދާއި ޚިލާފު ޢަމަލަށް ރިޢާޔަތްކޮށް، ދަރަނިވެރިން ކޯޓަށް ޙާޟިރުކޮށް، ޖަވާބުދާރިވުން އަވަސްކުރުމުގެ ބޭނުމަށް އެފަރާތްތަކުގެ ޕާސްޕޯރޓް ކެންސަލްކުރުމަކީ ބުނެވުނު މާއްދާގެ ބޭނުމަށްޓަކައި އެޅިދާނެ ފިޔަވަޅެއްކަމުގައި ދެކެމެވެ."
[17]"ރަހުނެއް ނުހިމެނޭ ސާބިތު ދަރަނީގެ މުޢާމަލާތްތަކުގައި ޢަމަލު ކުރަންވީ ގޮތުގެ ޤަވާޢިދު"އަކީ ޝަރީޢަތްކުރުމާބެހޭ ގޮތުން ހެދިފައިވާ ޤަވާޢިދު 6.1 ގައި ހިމެނޭ ޤަވާޢިދުތަކުގެ ތެރެއިން ޤަވާޢިދެކެވެ. ސިވިލް ކޯޓުގެ ބަޔާންކުރަނިވި ކޯޓު އަމުރުތަކާއި ގުޅިގެން ބަދަލުކުރެވުނު ސިޓީތަކުގައި ޙަވާލާދީފައިވަނީ މި ޤަވާޢިދުގެ 10 ވަނަ މާއްދާގެ (ހ) އަށެވެ. މި މާއްދާއަކީ ސާބިތު ދަރަންޏަށް ފައިސާ ނުދައްކާ ފަރާތްތަކާމެދު އިތުރަށް އެޅިދާނެ ފިޔަވަޅުތައް ބަޔާންކުރާ މާއްދާއެކެވެ. މިގޮތުން މި މާއްދާގައިވާ ގޮތުގެ މަތިން، ސާބިތު ދަރަންޏަށް ފައިސާ ނުދައްކައިގެން ފުރަތަމަ ފަހަރު ހުށަހެޅުމާއެކު،
(ހ) ކޯޓުގެ ހުއްދަނެތި ފައިސާ ދައްކަންޖެހޭ ފަރާތް ރާއްޖެއިން ބޭރަށް ނުދެވޭގޮތަށް ޕާސްޕޯޓު ހިފެއްހެއްޓުމަށް އަމުރުކުރުން.
(ށ) ފައިސާ ދައްކަންޖެހޭ ފަރާތުގެ ބޭންކް އެކައުންޓްތައް ބަލައި ޗެކްކޮށް އެކައުންޓްތައް ފްރީޒްކުރުމަށް އަމުރުކުރުން.
(ނ) ފައިސާ ދައްކަންޖެހޭ ފަރާތުގެ އެއްވެސް މުދަލެއް ކުއްޔަށް ދޫކޮށްފައިވާނަމަ އެ މުދަލެއް ނުވަތަ އެ މުދަލެއް ކުއްޔަށްދީގެން ލިބޭ ކުލި ކޯޓަށް ނެގުމަށް އަމުރުކުރުން.
(ރ) ފައިސާ ދައްކަންޖެހޭ ފަރާތުގެ މުދަލެއް އެހެން ފަރާތަކަށް ކުއްޔަށްދީ، ނުވަތަ ހިބަކޮށްދީ، ނުވަތަ ވިއްކާ، ނުވަތަ ވަޞިއްޔަތްކޮށް، ނުވަތަ ރަހުނުކޮށްފައިވަނީ ދަރަނި ސާބިތުވި ފަހުން ކަމަށްވާނަމަ ނުވަތަ ދަރަނީގެ މައްސަލަ ކޯޓުގައި ހިނގަމުންދަނިކޮށް ކަމަށްވާނަމަ ނުވަތަ ކޯޓަށް މައްސަލަ ހުށަހެޅުމުގެ 6 (ހައެއް) މަސްދުވަސް ކުރިން ކަމުގައިވާނަމަ، އެ މުޢާމަލާތެއް ބާޠިލުކުރުން.
(ބ) ސާބިތު ދަރަންޏަށް ފައިސާ ދައްކަންޖެހޭ ފަރާތުގެ ނުވަތަ އެ ފަރާތުގެ ދަރިއެއްގެ ނުވަތަ އަނބިމީހާ ނުވަތަ ފިރިމީހާގެ މިލްކުގައި މުދަލަކީ ދަރަނި ލިބެންވާ މީހާގެ އަތުން ނެގިފައިސާއިން ނުވަތަ އެއްޗަކުން ނުވަތަ މުދަލަކުން، އުފައްދާފައި ހުރި މުދަލެއް ކަމަށް ކޯޓަށް ސާބިތުވެއްޖެނަމަ، އެ މުދަލެއް ނުވަތަ ފައިސާއެއް ކޯޓުގެ ބާރުގެ ދަށަށް ގެނައުން.
(ޅ) ސާބިތު ދަރަންޏަށް ފައިސާ ނުދެއްކި ފަރާތާއި ބެހޭ މަޢުލޫމާތު ޢާއްމުކޮށް ޝާއިޢުކުރުން.
(ކ) ސާބިތު ދަރަންޏަށް ފައިސާ ދައްކަންޖެހޭ ފަރާތަކީ ވަޒީފާއެއް އަދާކުރާ ފަރާތެއްކަމަށް ވާނަމަ އެ މީހެއްގެ މުސާރައިން ކޯޓަށް ފެންނަ މިންވަރެއް ކަނޑައި ކޯޓަށް ފޮނުވުމަށް އެ މީހަކު ވަޒީފާ އަދާކުރާ ތަނަށް އެންގުން
[18]މިއިން ފިޔަވަޅެއް ނުވަތަ މި ފިޔަވަޅުތަކުން އެ ވަގުތަކަށް ކޯޓަށް ފެންނަ ފިޔަވަޅެއް އެޅުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވާކަމަށް ބަޔާންކުރެއެވެ. އިސްވެ ބަޔާންކުރަނިވި މާއްދާގައި ޕާސްޕޯޓާއި ގުޅޭ ގޮތުން އެޅޭނެ ފިޔަވަޅެއްގެ ގޮތުގައި ބަޔާންކުރަނީ "ޕާސްޕޯޓް ހިފެހެއްޓުމަށް އަމުރު ކުރުން" މި ފިޔަވަޅެވެ. ބަޔާންކުރަނިވި ޤަވާޢިދުގެ 10 ވަނަ މާއްދާގެ (ހ) ގައި ސާބިތު ދަރަންޏަށް ފައިސާ ނުދައްކައިގެން ފުރަތަމަ ފަހަރު ހުށަހެޅުމާއެކު ޕާސްޕޯޓް ކެންސަލްކުރެވޭނެކަމަށް/ބާޠިލުކުރެވޭނެކަމަށް ބަޔާންކޮށްފައެއްނުވެއެވެ.
[19]ޕާސްޕޯޓް ހިފެހެއްޓުމާއި، ޕާސްޕޯޓް ކެންސަލްކުރުމަކީ އެއް މާނައެއް ދޭހަވާ، އަދި މިކަމުގައި އެއް އިޖުރާއަތެއް ހިނގާ ކަމެއްތޯ؟
[20]ދިވެހިރާއްޖޭގެ ޕާސްޕޯޓާބެހޭ ޤާނޫނުގެ 1 ވަނަ މާއްދާގައިވަނީ ދިވެހި ކޮންމެ ރައްޔިތަކު ރާއްޖޭން ބޭރުގައި އުޅޭއިރު، ޢަމަލުކުރެވޭނެ ޕާސްޕޯޓެއް ނުވަތަ އެފަދަ އެހެން ރަސްމީ ލިޔުމެއް އެމީހެއްގެ އަތުގައި އޮންނަންވާނެކަމަށެވެ. އަދި ޕާސްޕޯޓާ ބެހޭ އެންމެހާ ކަންކަން ހިންގާނީ، ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން އިން ކަމަށާއި، މި ޤާނޫނާއި ގުޅިގެން އިދާރީ ގަވާއިދުތައް ނެރުމުގެ އިޚްތިޔާރު މި ޑިޕާޓްމަންޓަށް ލިބިގެންވާކަމުގައި މި ޤާނޫނުގެ 2 ވަނަ މާއްދާގައި ބަޔާންކުރެއެވެ.
[21]ދިވެހި ޕާސްޕޯޓާބެހޭ ގަވާއިދަކީ ދިވެހިރާއްޖޭގެ ޕާސްޕޯޓާބެހޭ ޤާނޫނުގެ 2 ވަނަ މާއްދާއާއި، ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނުއިން މޯލްޑިވްސް އިމިގްރޭޝަނަށް ލިބިދޭ ބާރުގެ ދަށުން ހަދާފައިވާ ގަވާއިދެއްކަން މި ގަވާއިދުގެ 1 ވަނަ މާއްދާގެ (ހ) އިން އެނގެއެވެ. އަދި އެ ގަވާއިދުގެ 15 ވަނަ މާއްދާގައި ޝަރުޢީ ކޯޓެއްގެ ޙުކުމަކާ ނުވަތަ އަމުރަކާ ގުޅިގެން ޕާސްޕޯޓު ހިފަހައްޓަން ޖެހިއްޖެނަމަ، އެ ޕާސްޕޯޓް ހިފެހެއްޓުމުގެ ބާރު ކޮންޓްރޯލަރ ޖެނަރަލް އޮފް އިމިގްރޭޝަންއަށް ލިބިގެންވާކަމަށް ބަޔާންކުރާއިރު، މި ގަވާއިދުގެ 19 ވަނަ މާއްދާގެ (ށ) ގައި ޕާސްޕޯޓް ކެންސަލްކުރުމުގެ އިޚްތިޔާރު ކޮންޓްރޯލަރ ޖެނަރަލް އޮފް އިމިގްރޭޝަންއަށް ލިބިގެންވާ ޙާލަތްތައް ބަޔާންކުރެއެވެ. އެ ޙާލަތްތަކަކީ:
(1) ޝަރުޢީ ކޯޓަކުން ފޮނުވާ އަމުރަކާ ގުޅިގެން އެ އަމުރެއްގައި ހިމެނޭ ފަރާތްތަކުގެ ޕާސްޕޯޓު
[22](2) އެކަށީގެންވާ ސަބަބަކަށް ނުވަތަ ސަބަބުތަކަކަށް ބިނާކޮށް އެމީހެއްގެ ސަބަބުން ޤައުމީ ސަލާމަތާއި ރައްކާތެރިކަމަށް އުނިކަމެއް ފޯރަފާނެކަމަށް ބެލެވޭ މީހުންގެ ޕާސްޕޯޓު
[23](3) އެކަށީގެންވާ ސަބަބަކަށް ނުވަތަ ސަބަބުތަކަކަކަށް ބިނާކޮށް އެހެނިހެން ޤައުމުތަކުގެ ދާޚިލީ ހަނގުރާމައިގައި ބައިވެރިވުމަށް ދާކަމަށް ޝައްކުކުރެވޭ މީހުންގެ ޕާސްޕޯޓު
[24](4) ދައުލަތުގެ އިސް މަޤާމު ފުރުއްވުމަށްފަހު މަޤާމު ގެއްލިފައިވާ ފަރާތްތަކުގެ ތެރެއިން އޮފިޝަލް ޕާސްޕޯޓު އަދި ޑިޕްލޮމެޓިކް ޕާސްޕޯޓު ދޫކޮށްފައިވާ ފަރާތްތަކުގެ ޕާސްޕޯޓު
[25](5) ޕާސްޕޯޓު ހެއްދުމަށްފަހު ބަލައިނާންނާތީ 6 (ހައެއް) މަސްދުވަހަކަށްވުރެ ގިނަ ދުވަހު މޯލްޑިވްސް އިމިގްރޭޝަނުގައި ބެހެއްޓިފައިވާ ޕާސްޕޯޓު
[26]މިއިން ޙާލަތަކުން ކުރެ ޙާލަތެކެވެ. ޕާސްޕޯޓް ކެންސަލްކުރެވޭނެ މުއްދަތު ކަނޑައަޅާނީ ކޮންޓްރޯލަރ ޖެނަރަލް އޮފް އިމިގްރޭޝަންކަމާއި، ޕާސްޕޯޓް ކެންސަލްކުރަން އެދޭ ފަރާތަކީ ދިވެހިރާއްޖޭގައި ހުރި މީހެއްނަމަ، އެ ފަރާތުގެ ޕާސްޕޯޓް ކެންސަލްކުރުމަށްފަހު، އެކަން ފޯނުން އެ ފަރާތަށް އެންގުމަށްފަހު، ލިޔުމުންވެސް މިކަން އެ ފަރާތަށް އަންގަންވާނެކަމާއި، އަދި އެ ފަރާތަކީ ރާއްޖެއިން ބޭރުގައި ހުރި މީހެއްނަމަ، ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީ މެދުވެރިކޮށް އެމްބަސީއަށް ނުވަތަ ކޮންސިއުލޭޓަށް ޕާސްޕޯޓް ކެންސަލްކުރިކަން ލިޔުމުން އަންގަންވާނެކަމާއި، ދިވެހިރާއްޖޭގެ އެމްބަސީ ނުވަތަ ކޮންސިއުލޭޓެއް ނެތް ޤައުމެއްނަމަ އެ ޤައުމެއްގެ ފޮރިން މިނިސްޓްރީއަށް ޕާސްޕޯޓް ކެންސަލްކުރިކަން ލިޔުމުން އަންގަންވާނެކަން ދިވެހި ޕާސްޕޯޓާބެހޭ ގަވާއިދުގެ 21 ވަނަ މާއްދާގައި ބަޔާންކުރެއެވެ.
[27]ދިވެހި ޕާސްޕޯޓާބެހޭ ގަވާއިދަށް ބަލާއިރު، ޕާސްޕޯޓް ހިފެހެއްޓުމާއި ޕާސްޕޯޓް ކެންސަލުކުރުމުގެ ހަމަތައް ބަޔާންކުރަނީ ތަފާތު ދެ މާއްދާއަކުންކަމާއި، އަދި ޕާސްޕޯޓް ހިފެހެއްޓުމާއި ޚިލާފަށް ޕާސްޕޯޓް ކެންސަލްކުރުމަށްފަހު ޢަމަލުކުރަންވީ އިޖުރާއަތު މި ގަވާއިދުގައި ތަފްޞީލުކޮށްފައިވެއެވެ. ކޯޓެއްގެ ޙުކުމަކާ ނުވަތަ އަމުރަކާ ގުޅިގެން ޕާސްޕޯޓް ހިފެހެއްޓުމާއި، އަދި ޕާސްޕޯޓް ކެންސަލްކުރުމުގެ ބާރުވެސް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންއަށް ލިބިދެވޭކަން އެނގެއެވެ. ޕާސްޕޯޓް ކެންސަލްކުރުމަކީ، ޕާސްޕޯޓު ބާޠިލުކުރުމެވެ.އަދި ޕާސްޕޯޓު ކެންސަލްކުރުމަށްފަހު ޕާސްޕޯޓް އަލުން ހައްދަންޖެހޭކަން މި ގަވާއިދުގެ 22 ވަނަ މާއްދާއިން އެނގެއެވެ. މިއާ ޚިލާފަށް ޕާސްޕޯޓު ހިފެހެއްޓުމަށްފަހު، ޕާސްޕޯޓު ދޫކޮށްލައިފިނަމަ، އެ ޕާސްޕޯޓަކީ ރާއްޖެއިން ބޭރަށް ފުރުމުގަޔާއި، އެނބުރި އައުމަށް ބޭނުންކުރެވޭނެ ޞައްޙަ ރަސްމީ ލިޔުމެކެވެ. އެހެންކަމުން، ޕާސްޕޯޓް ހިފެހެއްޓުމާއި، ޕާސްޕޯޓު ކެންސަލްކުރުމަކީ އެއް މާނައެއް ދޭހަވާ، އެއް އިޖުރާއަތެއް ހިމެނޭ އަދި އޭގެ ނަތީޖާވެސް އެއް ހަމަވާނެ ކަމެއްގެ ގޮތުގައި ބެލެވޭކަށްނެތެވެ.
ޝަރީޢަތުން ގޮތެއް ނިންމުން
[28]މި މައްސަލައިގައި ކެންސަލްކުރުމަށް އަމުރުކޮށްފައިވަނީ އަމިއްލަ ފަރުދުންގެ ޕާސްޕޯޓު ކަމުގައިވީނަމަވެސް، އަމުރު ރައްދުވަނީ މޯލްޑިވްސް އިމިގްރޭޝަންގެ މައްޗަށް ކަމަށްވެފައި، މި މައްސަލަ އިސްތިއުނާފުކުރެވޭ އަސާސް ބިނާކޮށްފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 144-B5-CR-1/32/2020/2(9 ޖަނަވަރީ 2020) ސިޓީގައި ބަޔާންކޮށްފައިވާ "ރަހުނެއް ނުހިމެނޭ ސާބިތު ދަރަނީގެ މުޢާމަލާތްތަކުގައި ޢަމަލު ކުރަންވީ ގޮތުގެ ޤަވާޢިދު"އާ ޚިލާފަށް ޕާސްޕޯޓުތައް ކެންސަލްކޮށްފައިވާ ކުރުން ކަމުން، މި މައްސަލަ އިސްތިއުނާފުކުރުމުގެ ސިފަތު ދައުލަތަށް ލިބިފައިވާކަމުގައި ދެކެމެވެ.
[29]ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 41 ވަނަ މާއްދާއިން، ދަތުރުފަތުރުކުރުމާއި ވަޒަންވެރިވުމުގެ މިނިވަންކަން ކޮންމެ ރައްޔިތަކަށް ލިބިދީފައިވާކަން ބަޔާންކުރެއެވެ. ޤާނޫނު ނަންބަރު 2007/1 (ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ)ގައި ޝަރުޢީ ކޯޓެއްގެ އަމުރަކާ ނުވަތަ ޙުކުމަކާ ގުޅިގެން، ނުވަތަ މީހުން ހައްޔަރުކޮށް ހިފެހެއްޓުމުގެ ބާރު ޤާނޫނުގެ ދަށުން ލިބިދޭ ފަރާތަކުން އަންގާ އެންގުމަކާ އެއްގޮތްވާ ގޮތުގެމަތިން ރާއްޖޭން ފުރުން މަނާކުރެވޭ މީހުން ފިޔަވައި، އެހެން ކޮންމެ ދިވެހި ރައްޔިތަކީ، ރާއްޖެއިން ބޭރަށް ފުރައިގެން ދެވިދާނެ، އަދި ރާއްޖެއިން ބޭރުގައި ހުރެވިދާނެ ނުވަތަ ދިރިއުޅެވިދާނެ މީހެއްކަމުގައި ބަޔާންކުރެއެވެ.
[30]ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 19 ވަނަ މާއްދާގައި އިސްލާމީ ޝަރީޢަތުގައި ނުވަތަ ޤާނޫނުގައި ކަނޑައެޅިގެން މަނާކޮށްފައިނުވާ ކޮންމެ ކަމެއް ކުރުމުގެ މިނިވަންކަން ކޮންމެ ރައްޔިތަކަށްމެ ލިބިފައިވާކަމާއި، އަދި ޤާނޫނަކުން ހުއްދަ ލިބިގެން މެނުވީ އެއްވެސް މީހަކު ކުރާ އެއްވެސް ކަމަކަށް ހަމަ އެކަކުވިޔަސް ހުރަސްއަޅައި ހުއްޓުވައިގެން ނުވާނެކަމުގައި ބަޔާންކުރެއެވެ.
[31]ޤާނޫނު ނަންބަރު 2011/14 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު)ގެ 3 ވަނަ މާއްދާއަށް ޙަވާލާދީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެސް.ޕީ.އެޗް ޕްރައިވެޓް ލިމިޓެޑް ވ. ޖުމެއިރާ މެނޭޖްމަންޓު ސަރވިސަސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގެ 61 ވަނަ ނުކުތާގައި ފާހަގަކޮށްފައިވަނީ ޤާނޫނެއްގައި އެކުލެވިގެންވާ ވަކި ބަހެއް ނުވަތަ ޢިބާރާތެއް ނުވަތަ ޖުމުލައެއް މާނަކުރުމުގެ މައްޗަށް ބަލާއިރު، ޤާނޫނެއްގައި ބޭނުންކޮށްފައިވާ އެފަދަ ބަހެއް ނުވަތަ ޢިބާރާތެއް ނުވަތަ ޖުމުލައަކުން ދޭން ބޭނުން ވަނީ ކޮން މާނައެއްކަން ކަނޑައެޅުމުގެ ބާރު ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށް ކަމުގައާއި، އެކަން އެގޮތުގައި ދެމެހެއްޓުމަށްވުރެ ރަނގަޅުގޮތެއް ނޯންނާނެކަމަށް ޤާނޫނީ ގޮތުން ބަލަންޖެހޭކަމަށާއި، އަދި، ބަހެއް، ނުވަތަ ޢިބާރާތެއް، ނުވަތަ ޖުމުލައެއް ބޭނުންކޮށްފައިވާ ގޮތުން، އޭގެން ވަކި މާނައެއް ދޭހަވާކަމަށްވާނަމަ، އެ ދޭހަވާ މާނަ އެއަށްވުރެ ފުޅާކުރުމަކީ ނުވަތަ އޭގައި ނުހިމެނޭ ކަންތައްތަކެއް އޭގައި ހިމެނުމަށް މަސައްކަތް ކުރުމަކީ، ރަނގަޅުގޮތެއް ނޫންކަމަށް ވެސް ޤާނޫނީ ގޮތުން ބަލަންޖެހޭކަމަށެވެ.
[32]އިސްވެ ބަޔާންކުރަނިވި ޤާނޫނީ ނައްސުތަކުން އެނގިގެންދަނީ، ކޮންމެ ރައްޔިތަކަށްމެ ދަތުރުފަތުރުކުރުމާއި، ރާއްޖެއިން ބޭރަށް ފުރައިގެންދިޔުމާއި އަދި ރާއްޖެއިން ބޭރުގައި ދިރިއުޅުމުގެ މިނިވަންކަން ލިބިގެންވާކަމެވެ. މި މިނިވަންކަން ހިފެހެއްޓޭނީ، ނުވަތަ ހަނިކުރެވޭނީ ޤާނޫނީ އިމުގެ ތެރެއިން، ޤާނޫނަކުން ހުއްދަ ލިބިގެންނެވެ. ޤާނޫނުއަސާސީގައި އެކުލެވޭ މާއްދާތައް މާނަކުރުމާއި ގުޅޭ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-C/78, 2020/SC-C/79 މުހައްމަދު ޙަލީމް، އަސްޢަދު ޝަރީފް ވ. ޔައުގޫބު ޢަބްދުﷲ ޤަޟިއްޔާގައި ފާހަގަކޮށްފައިވަނީ ޤާނޫނުއަސާސީގައި މަނާކޮށްފައިވާ ކަމެއް ކުރުމުން، އެކަމެއް ބާޠިލުވުމުގެ އިތުރުން އެހެން ނަތީޖާއެއް ނެރުމަށް ޤާނޫނުއަސާސީގައި ޞަރީޙަ ބަހުން ބުނެފައިނުވާނަމަ، އެކަންކުރުމުން ވަކި ނަތީޖާއެއް ނިކުންނާނެކަމަށް ކޯޓުން ބުނެފިނަމަ އެއީ ޤާނޫނުއަސާސީގައި ނެތްކަމެއް ޤާނޫނުއަސާސީއަށް އިތުރު ކުރުން ކަމަށް ބެލެވޭނެކަމާއި، ޤާނޫނުއަސާސީ މާނަކުރުމުގެ ބާރު ކޯޓުތަކަށް ލިބިގެންވީނަމަވެސް، އެ މަސްއޫލިއްޔަތު އަދާކުރުމުގެ ތެރޭގައި ޤާނޫނުއަސާސީގެ މާއްދައެއްގައި ނުހިމެނޭކަމެއް އެ މާއްދާއަށް އިތުރުކުރުމަކީ ކޯޓުތަކަށް ލިބިގެންވާ ބާރެއްނޫންކަމުގައެވެ. މި މަބްދައު ޤާނޫނު އަދި ގަވާއިދުތަކުގެ މައްޗަށް ތަޠުބީގުކުރުމުން، ޤާނޫނުގައި ނުވަތަ ގަވާއިދުގައި ޞަރީޙަ ނައްސުން ބަޔާންކޮށްފައިނުވާކަމެއް ނުވަތަ ޤާނޫނުގައި ނުވަތަ ގަވާއިދުގައި ނުހިމެނޭކަމެއް، އެއަށް އިތުރުކުރުމަކީ ކޯޓަށް ލިބިދީފައިވާ ބާރު ފުޅާކުރުމުގެ އިތުރުން، ޤާނޫނުން ނުވަތަ ގަވާއިދުގެ މާއްދާގައި ނުހިމެނޭ ކަންތައްތަކެއް އޭގައި ހިމެނުމަށް މަސައްކަތް ކުރުމެވެ. މީހެއްގެ މިނިވަންކަން ހިފެހެއްޓޭނީ ނުވަތަ ހަނިކުރެވެނީ ޤާނޫނަކުން ހުއްދަ ލިބިގެންކަމަށްވާއިރު، ޤާނޫނަކުން ހުއްދަނުދޭ ނުވަތަ ޤާނޫނަކުން ތަންނުދޭ ބާރެއް ކޯޓުން ބޭނުންކޮށް، ނުވަތަ ހުއްދަލިބިދެވޭ ފަދައަކުން މާނަކޮށް، މީހެއްގެ އަސާސީ މިނިވަންކަން ނިގުޅައިގަތުމަކީ ޤާނޫނުއަސާސީއާ ޚިލާފުކަމެކެވެ.
[33]މި މައްސަލާގައި، 25 ނޮވެމްބަރު 2019ގެ ސިވިލް ކޯޓުގެ ނަންބަރު B5-CR1/CA/2019/3963 ކޯޓު އަމުރާއި، ނަންބަރުB5-CR1/CA/2019/3973 ކޯޓު އަމުރާއި، ނަންބަރު B5-CR1/CA/2019/3975 ކޯޓު އަމުރާއި، ނަންބަރު B5-CR1/CA/2019/3976 ކޯޓު އަމުރާއި އަދި ނަންބަރު B5-CR1/CA/2019/3977 ކޯޓު އަމުރުން، ޕާސްޕޯޓް ކެންސަލްކުރުމަށް މޯލްޑިވްސް އިމިގްރޭޝަންގެ މައްޗަށް އަމުރުކޮށްފައިވާއިރު، މިފަދައިން އަމުރުކޮށްފައިވަނީ ސާބިތުދަރަނީގެ މައްސަލަތަކާ ގުޅިގެން، ދަރަނިވެރިން ކޯޓުގެ ހުއްދަނެތި ފުރައިގެން ގޮސްފައިވާތީ އެ ފަރާތްތައް ކޯޓަށް ޙާޟިރުކޮށް، ޖަވާބުދަރީވުން އަވަސްކުރުމުގެ ބޭނުމުގައި ރަހުނެއް ނުހިމެނޭ ސާބިތުދަރަނީގެ މުޢާމަލާތްތަކުގައި ޢަމަލުކުރަންވީގޮތުގެ ޤަވާޢިދުގެ 10 ވަނަ މާއްދާގެ (ހ) ގައި "ކޯޓުގެ ހުއްދަނެތި ފައިސާ ދައްކަންޖެހޭ ފަރާތް ރާއްޖެއިން ބޭރަށް ނުދެވޭގޮތަށް ޕާސްޕޯޓް ހިފެހެއްޓުމަށް އަމުރުކުރުން" ގެ އިޚްތިޔާރު ކޯޓަށް ލިބިފައިވާތީކަން ސިވިލް ކޯޓުގެ 09 ޖަނަވަރީ 2020 ގެ ސިޓީގައި ބަޔާންކޮށްފައިވެއެވެ. އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގެ 14 ވަނަ ނުކުތާއިން ފެށިގެން 16 ވަނަ ނުކުތާގެ ނިޔަލަށް ތަފްޞީލުކޮށްފައިވާ ފަދައިން ޕާސްޕޯޓް ހިފެހެއްޓުމާއި، ޕާސްޕޯޓު ކެންސަލްކުރުމަކީ ދެ ކަމެކެވެ. ޙަވާލާދެވޭ ރަހުނެއް ނުހިމެނޭ ސާބިތު ދަރަނީގެ މުޢާމަލާތްތަކުގައި ޢަމަލު ކުރަންވީ ގޮތުގެ ޤަވާޢިދުގައި ކޯޓަށް ލިބިދެވޭ ބާރަކީ ޕާސްޕޯޓް ހިފެހެއްޓުމަށް އަމުރު ކުރުމުގެ ބާރެވެ. ޕާސްޕޯޓް ކެންސަލްކުރުމުގެ ބާރެއްނޫނެވެ. ރަހުނެއް ނުހިމެނޭ ސާބިތު ދަރަނީގެ މުޢާމަލާތްތަކުގައި ޢަމަލު ކުރަންވީ ގޮތުގެ ޤަވާޢިދުގައި ޕާސްޕޯޓު ކެންސަލްކުރުމުގެ ބާރު ކޯޓަށް ލިބިގެންނުވާއިރު، މިކަން ކޯޓުތަކަށް ކުރެވޭގޮތަށް ތަރުޖަމާކޮށް، މިކަން މި ގަވާއިދަށް އިތުރުކުރުމަކީ ކޯޓަށް ލިބިދީފައިވާ ބާރު ފުޅާކޮށް، އަސާސީ މިނިވަންކަން ޤާނޫނުއަސާސީއާ ޚިލާފަށް ހިފެހެއްޓުން ކަމުގައި ދެކެމެވެ.
[34]އެހެންކަމުން، އިސްވެ ބަޔާންކުރަނިވި ނުކުތާތައް އެގޮތަށް ހުރުމުން، ދައުލަތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކަށް ރިޢާޔަތްކޮށް، 25 ނޮވެމްބަރު 2019ގެ ސިވިލް ކޯޓުގެ ނަންބަރު B5-CR1/CA/2019/3963 ކޯޓު އަމުރާއި، ނަންބަރުB5-CR1/CA/2019/3973 ކޯޓު އަމުރާއި، ނަންބަރު B5-CR1/CA/2019/3975 ކޯޓު އަމުރާއި، ނަންބަރު B5-CR1/CA/2019/3976 ކޯޓު އަމުރާއި އަދި ނަންބަރު B5-CR1/CA/2019/3977 ކޯޓު އަމުރުތަކަކީ ރަހުނެއް ނުހިމެނޭ ސާބިތު ދަރަނީގެ މުޢާމަލާތްތަކުގައި ޢަމަލު ކުރަންވީ ގޮތުގެ ޤަވާޢިދުން ކޯޓަށް ލިބިދޭ ބާރުގެ ބޭރުން ނެރެފައިވާ އަމުރުތަކެއްކަމުން، އެ އަމުރުތައް ބާޠިލްކުރަންޖެހޭ ކަމަށް އަހުރެންނަށް ޤަބޫލުކުރެވެއެވެ.
ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔު:
[35]ސިވިލް ކޯޓުގެ ނަންބަރު B5-CR1/CA/2019/3963 ކޯޓު އަމުރާއި، އެ ކޯޓުގެ ނަންބަރުB5-CR1/CA/2019/3973 ކޯޓު އަމުރާއި، އެ ކޯޓުގެ ނަންބަރު B5-CR1/CA/2019/3975 ކޯޓު އަމުރާއި، އެ ކޯޓުގެ ނަންބަރު B5-CR1/CA/2019/3976 ކޯޓު އަމުރާއި، އަދި އެ ކޯޓުގެ ނަންބަރު B5-CR1/CA/2019/3977 ކޯޓު އަމުރުތަކަކީ ޙުކުމް ތަންފީޛު މަރުޙަލާގައި އެ އަމުރުތައް ނިސްބަތްވާ ފަރާތްތަކުގެ ޕާސްޕޯޓު ކެންސަލް ކުރެއްވުމަށް އަންގައި ނެރެފައިވާ އަމުރުތަކެކެވެ. އަމުރުތަކަކީ ދައުލަތަށް ނިސްބަތްވާ އަމުރުތަކެއް ނޫނެވެ. ޙުކުމް ތަންފީޒްކުރުމުގެ ގޮތުން ވަކިވަކި ފަރުދުންގެ މައްޗަށް ނެރެފައިވާ ތަންފީޒީ އަމުރުތަކެއްކަން އެނގެއެވެ. އަމުރުތަކުން ނުކުންނަ ނަތީޖާއަކީ ދައުލަތުގެ މަސްލަޙަތައް އުނިކަމެއް އަންނަ ނަތީޖާއެއްކަން ދައުލަތަށް ސާފުކޮށްދެވިފައިވާކަން އެނގޭކަށް ނެތެވެ. އަދި އެ އަމުރުތައް އިސްތިއުނާފްކުރުމުގެ ހައިސިއްޔަތު ދައުލަތަށް ލިބޭ ގޮތެއް ދައުލަތަށް ސާފުކޮށް ދެވިފައިވާކަން އެނގެން ނެތަތީވެ ހައިކޯޓުގެ ޤަވާޢިދުގެ 31 ވަނަ މާއްދާގެ (ހ) ގެ ދަށުން މި މައްސަލަ އިސްތިއުނާފަށް ހުށަހެޅުމުގެ ހައިސިއްޔަތު ދައުލަތަށް ލިބިގެން ނުވާކަމަށްޓަކައި މި މައްސަލައަކީ ދައުލަތުގެ ފަރާތުން އިސްތިއުނާފަށް ހުށަހެޅިދާނެ މައްސަލައެއް ކަމުގައި ނުދެކެމެވެ.
[36]މި މައްސަލައަކީ ދައުލަތުގެ ފަރާތުން އިސްތިއުނާފަށް ހުށަހެޅުމުގެ ހައިސިއްޔަތު އޮތް މައްސަލައެއް ކަމުގައި ނުފެންނާތީވެ، އިސްތިއުނާފީ ނުކުތާގައި އެ އަމުރުތައް ނެރެފައިވަނީ "ރަހުނެއް ނުހިމެނޭ ސާބިތު ދަރަނީގެ މުޢާމަލާތްތަކުގައި ޢަމަލުކުރަންވީ ގޮތުގެ ޤަވާޢިދު"ގެ 10 ވަނަ މާއްދާއާ ޚިލާފަށްކަމަށް ބުނެ ދައުލަތުގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާއަށް މިހިނދުގައި މި ކޯޓުން ރިޢާޔަތްކުރުމުގެ ބޭނުމެއް އޮތްކަމުގައި ނުދެކެމެވެ.
[37]އެހެންކަމުން މި މައްސަލަ ނިންމަން ފެންނަގޮތަކީ، ބުނެވިދިޔަ އަމުރުތައް އިސްތިއުނާފްކުރުމުގެ ހައިސިއްޔަތު ދައުލަތަށް އޮތްކަން އެނގެން ނެތަތީވެ ހައިކޯޓުގެ ޤަވާޢިދުގެ 31 ވަނަ މާއްދާގެ (ހ) ގެ ދަށުން މި މައްސަލައަކީ ދައުލަތުގެ ފަރާތުން އިސްތިއުނާފަށް ހުށަހެޅިދާނެ މައްސަލައެއްނޫން ކަމުގައި ކަނޑައަޅައި، އިސްތިއުނާފް ފޯމް ބާޠިލުކޮށް މި މައްސަލަ ނިންމަން ފެނެއެވެ.
ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔު:
[38]މިކޯޓުގެ ނަންބަރު 2021/HC-A/16 (ދިވެހި ދައުލަތުން އިސްތިއުނާފު ރައްދުވާ ފަރާތެއް ނެތި ހުށަހަޅާފައިވާ) މައްސަލައިގައި، އަހުރެން ތާއީދުކޮށްފައިވާ ފަނޑިޔާރު މުޙައްމަދު ފައިޞަލްގެ ރައުޔުގައި ބަޔާންކުރެވިފައިވާ ފަދައިން، އިސްތިއުނާފެއް ކުރެވޭ އިރު އިސްތިއުނާފު ކުރާ ފަރާތަށް އެ ދައުވާއެއް ކުރުމުގެ ސިފަތު ލިބިގެން ވޭތޯ ބަލަން ޖެހެއެވެ. މިމައްސަލައިގައި ވަކި ވަކި ފަރުދުންގެ ޕާސްޕޯޓް ކެންސަލްކުރުމަށް ކުރެވުނު އަމުރެއް އިސްތިއުނާފުކުރުމަށް ދައުލަތުން އެދި ހުށަހަޅާފައިވަނީ، ދައުލަތުގެ ކޮން މަސްލަހަތެއް ނުވަތަ ޤާނޫނީ ޙައްޤެއް ގެއްލިގެން ކަން އެނގޭ ކަށް ނެތެވެ. އެހެންކަމުން، ޢާންމު އުސޫލުން ބަލާއިރު، ހުށަހެޅިފައި މިވާ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުގެ ޙައިޘިއްޔަތު ދިވެހި ދައުލަތަށް (މޯލްޑިވްސް އިމިގްރޭޝަނަށް) ލިބިގެންވާ ކަމަކަށް އަހުރެން ނުދެކެމެވެ.
[39]ދެން އުފެދޭ ސުވާލަކީ، މިމައްސަލަތަކުގައި އަމުރު މުރާޖައާކޮށްދިނުމަށް ދައުލަތުން ސިވިލް ކޯޓުގައި އެދިފައި ވުމުން މިއިސްތިއުނާފު ހުށަހެޅުމުގެ ހައިޘިއްޔަތު ދައުލަތަށް ލިބޭތޯ އެވެ.
[40]މިގޮތުން ބަލާއިރު، ދައުލަތުން އިސްތިއުނާފު ކޮށްފައިވާ އަމުރުތައް ސިވިލް ކޯޓުން ނެރެފައިވަނީ، 25 ނޮވެންބަރު 2019 ގައެވެ. އިސްތިއުނާފަށް އެދި ދައުލަތުން މިކޯޓަށް ހުށަހަޅާފައިވަނީ، 04 އޮކްޓޯބަރު 2020 ގައެވެ.
[41]ދައުލަތުގެ ފަރާތުން އިސްތިއުނާފުކޮށްފައިވަނީ، ސިވިލް ކޯޓުން ޕާސްޕޯޓު ކެންސަލްކުރުމަށް އަމުރު ނެރުނުތާ ގާތްގަނޑަކަށް 01 އަހަރު ވާން ގާތްވެފައިވަނިކޮށެވެ. މިއިސްތިއުނާފަށް ހުށަހެޅުނު އިރު އަމަލުކުރެވެމުން ދިޔަ އިޖުރާއަތުތަކަށް ބަލާއިރު، ދަށު ކޯޓުގެ އަމުރެއް/ ނިންމުމެއް އިސްތިއުނާފު ކުރެވެނީ، އެނިންމުމެއް ނިންމި ތާރީޚުން ފެށިގެން 10 (ދިހަ) ދުވަހުގެ ތެރޭގައި ހުށަހަޅައިފިނަމައެވެ. މިމުއްދަތު ހަމަވުމަށް ފަހު އިސްތިއުނާފެއް ބަލައިގަނެވެނީ، މަޤްބޫލު ސަބަބަކާ އެކު ކޯޓުގެ ހުއްދަ ލިބިގެންނެވެ.
[42]މިމައްސަލަ އެންމެ ފުރަތަމަ މިކޯޓަށް އިސްތިއުނާފަށް ހުށަހެޅުމުން އިސްތިއުނާފުގެ މުއްދަތު ހަމަވެފައިވާތީ، މައްސަލަ ބަލައިނުގަތުމަށް ރަޖިސްޓްރޭޝަނުން ނިންމި ނިންމުން މުރާޖައާކޮށްދިނުމަށް ދައުލަތުން އެދިފައިވެއެވެ. އަދި، މުރާޖަޢާ ކޮށް ނިންމި ފަނޑިޔާރުންގެ އަޣްލަބިއްޔަތުން ނިންމާފައިވަނީ، "ކޯޓު އަމުރުތައް މުރާޖައާކުރުމަށް އެއަމުރު ނެރުނު ކޯޓުގައި އެދެވިދާނެކަން އެގޭއިރު، އެގޮތުގެ މަތިން މުރާޖައާކުރުމަށް ހުށަހެޅި ހުށަހެޅުން ނިންމިގޮތް އިސްތިއުނާފު ކުރެވިފައިވަނީ ސިވިލް ކޯޓުން ޖަވާބުދިން ތާރީޚުން ފެށިގެން އިސްތިއުނާފު މުއްދަތު ގުނާއިރު، މުއްދަތުގެ ތެރޭގައި ކަމަށްވާތީ ..." ހުއްދަ ދިނުމަށް ފެންނަ ކަމަށެވެ.
[43]އެހެންކަމުން، މިމައްސަލަ ބަލައިގަތުމަށް މިކޯޓުން ހުއްދަ ދެވިފައިވަނީ، އިސްތިއުނާފު ކުރެވިފައިވާ އަމުރުތަކާއި އެއަމުރުތައް މުރާޖައާކޮށް ނިންމި ނިންމުމުގެ އިސްތިއުނާފެއްގެ ގޮތުގައި ކަން އެނގެއެވެ. އެހެންކަމުން، އިސްތިއުނާފުކުރެވިފައިވާ އަމުރުތައް މުރާޖައާކޮށް ދިނުމަށް ސިވިލް ކޯޓުގައި ދައުލަތުގެ ފަރާތުން އެދުނު އެދުމާ ގުޅިގެން ސިވިލް ކޯޓުން ނިންމި ނިންމުމެއް އިސްތިއުނާފު ކުރުމުގެ ޙައްޤު އަދި ހައިޘިއްޔަތު ދައުލަތަށް ލިބިގެންވާކަމުގައި ބަލަންޖެހެއެވެ.
[44]މިމައްސަލައިގައި ފަނޑިޔާރު ޙުޒައިފާ މުޙައްމަދު ރައުޔުގައި، އިސްތިއުނާފީ ނުކުތާތަކާމެދު ޝަރީޢަތުން ރިޢާޔަތްކުރިގޮތުގައިވާ ކަންތައްތަކަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
[45]ދެންފަހެ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތުގައި ހުރުމުން، އިސްތިއުނާފުކުރި ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް 25 ނޮވެމްބަރު 2019ގެ ސިވިލް ކޯޓުގެ ނަންބަރުB5-CR1/CA/2019/3963 ކޯޓު އަމުރާއި، ނަންބަރު B5-CR1/CA/2019/3973 ކޯޓު އަމުރާއި، ނަންބަރު B5-CR1/CA/2019/3975 ކޯޓު އަމުރާއި، ނަންބަރު B5-CR1/CA/2019/3976 ކޯޓު އަމުރާއި އަދި ނަންބަރު B5-CR1/CA/2019/3977 ކޯޓު އަމުރަކީ ބާޠިލް ކޯޓު އަމުރުތަކެއް ކަމަށް މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ޙުކުމް ކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ޙުޒައިފާ މުޙައްމަދު (ރިޔާސަތު)
ޙުސައިން މަޒީދު
ފާޠިމަތު ފަރްހީޒާ
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ރަހުނެއް ނުހިމެނޭ ސާބިތު ދަރަނީގެ މުޢާމަލާތްތަކުގައި ޢަމަލުކުރަންވީ ގޮތުގެ ޤަވާޢިދު (ޝަރީޢަތްކުރުމާބެހޭ ގޮތުން ހެދިފައިވާ ޤަވާޢިދު 6.1) ގެ 10 ވަނަ މާއްދާގެ (ހ)
- ދިވެހިރާއްޖޭގެ ޕާސްޕޯޓާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 78/79 ގޮތަށް ލިޔުމުގައިވާ) ގެ 1 ވަނަ މާއްދާ އަދި 2 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 1/2007 (ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 27/2014) ގެ 5 ވަނަ މާއްދާގެ (ހ)
- ދިވެހި ޕާސްޕޯޓާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2017/R-83) ގެ 1 ވަނަ މާއްދާގެ (ހ)، 15 ވަނަ މާއްދާ، 19 ވަނަ މާއްދާގެ (ށ)، 20، 21، 22 އަދި 23 ވަނަ މާއްދާގެ (ހ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ)، 19 ވަނަ މާއްދާ، 41 ވަނަ މާއްދާ، 69 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 14/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 427 ވަނަ މާއްދާގެ (ބ) (ޤަވާޢިދު 6.1 އުވުނު)
- ހައިކޯޓުގެ ޤަވާޢިދުގެ 31 ވަނަ މާއްދާގެ (ހ) (ތަފާތު ރައުޔުގައި)
- ސުޕްރީމް ކޯޓުގެ 2020/SC-A/101 (އެސް.ޕީ.އެޗް ޕްރައިވެޓް ލިމިޓެޑް ވ. ޖުމެއިރާ މެނޭޖްމަންޓް ސަރވިސަސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް) ގެ 61 ވަނަ ނުކުތާ
- ސުޕްރީމް ކޯޓުގެ 2020/SC-C/78، 2020/SC-C/79 (މުޙައްމަދު ޙަލީމް، އަސްޢަދު ޝަރީފް ވ. ޔައުގޫބު ޢަބްދުﷲ)
- ސުޕްރީމް ކޯޓުގެ 2015/06/SC ސަރކިއުލަރ (27 ޖަނަވަރީ 2015)
- ހައިކޯޓުގެ 2021/HC-A/16
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.