މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންގް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ޙުސައިން މާހިރު އިބްރާހީމް އަދި އިބްރާހިމް ޒުހައިރު
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- 2017/HC-A/351، 749/Cv-C/2015، 637/Cv-C/2016
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ސެޓްލްމަންޓް އެއްބަސްވުމުގެ ދަށުން ލިބެންޖެހޭ ފައިސާ ހޯދުމަށް އެމްއެފްއެލްސީއިން ސިވިލް ކޯޓުގައި ދަޢުވާކުރުމުން، ފައިސާ ދައްކަންޖެހޭނީ އެކްސްޕްރެސް މޯލްޑިވްސް އާއި ގެރެންޓަރ މުޙައްމަދު މަނިކު ކަމަށް ސިވިލް ކޯޓުން ޙުކުމްކުރިއެވެ. އެމްއެފްއެލްސީ އިސްތިއުނާފުކުރުމުން، ހައިކޯޓުގެ 2017/HC-A/351 ޤަޟިއްޔާގައި ޙުސައިން މާހިރު އިބްރާހީމް އާއި ގެރެންޓަރ އިބްރާހީމް ޒުހައިރު ދަރަނިން ބަރީއަވެފައިވާ ކަމަށް ނިންމިއެވެ. އެ ނިންމުން އެމްއެފްއެލްސީއިން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރިއެވެ.
- ވާޤިޢާ
- އެމްއެފްއެލްސީއިން ފައިނޭންސް ލީސިންގ އުޞޫލުން 'ފަތުރު' ދޯނި 2007 ގައި ޙުސައިން މާހިރު އިބްރާހީމަށް ކުއްޔަށް ދިނެވެ. އިބްރާހީމް ޒުހައިރު ގެރެންޓަރެއްގެ ގޮތުގައި ސޮއިކުރިއެވެ. ކުލި ނުދެއްކުމުން 2008 ގައި ސެޓްލްމަންޓް އެއްބަސްވުމެއް ހަދައި، ދަރަނި ދެއްކުމާއި ދޯނީގެ އަތުގެ ވެރިކަން އެކްސްޕްރެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުވިއެވެ. ނަމަވެސް އެ އެއްބަސްވުމުގެ 3.2.4 އާއި 5 ވަނަ މާއްދާގައި ވަނީ، ފައިސާ ދައްކައި ޚަލާސްކުރަންދެން ކުލީގެ އެއްބަސްވުން ދެމިއޮންނާނެ ކަމަށާއި، ޙުސައިން މާހިރު ބަރީއަވާނީ ފައިސާ ޚަލާސްކުރުމުން ކަމަށެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ތިންވަނަ ފަރާތަކުން ދަރަނި ދެއްކުމާ ހަވާލުވި ސެޓްލްމަންޓް އެއްބަސްވުމެއްގައި، ފައިސާ ދައްކައި ޚަލާސްކުރަންދެން ކުލީގެ އެއްބަސްވުން ދެމިއޮންނާނެ ކަމަށް ސާފުކޮށް ބަޔާންކޮށްފައިވާއިރު، އެ އެއްބަސްވުމުގައި ސޮއިކުރުމުން ކުއްޔަށް ހިފި ފަރާތް ކުލީގެ އެއްބަސްވުމުގެ ދަރަންޏާއި ވާޖިބުތަކުން ބަރީއަވޭތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- އެމްއެފްއެލްސީއިން ބުނީ، ސެޓްލްމަންޓް އެއްބަސްވުމުގައި ސޮއިކުރުމުން ޙުސައިން މާހިރު އިބްރާހީމް ބަރީއަވި ކަމަށް ހައިކޯޓުން ނިންމީ ކުލީގެ އެއްބަސްވުމާއި ސެޓްލްމަންޓް އެއްބަސްވުމާ ޚިލާފަށް ކަމަށެވެ. ޙުސައިން މާހިރު އިބްރާހީމް އާއި އިބްރާހީމް ޒުހައިރު ބުނީ، ސެޓްލްމަންޓް އެއްބަސްވުމުގެ މަޤްޞަދަކީ ކުލީގެ އެއްބަސްވުމުގެ ހުރިހާ ޒިންމާއެއް އެކްސްޕްރެސް މޯލްޑިވްސް އާއި މުޙައްމަދު މަނިކަށް ނަޤުލުކުރުން ކަމަށާއި، އަސްލު ދަރަނިވެރިޔާ ބަރީއަވުމުން ގެރެންޓަރުގެ ޒިންމާވެސް ނިމުނު ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ސުޕްރީމް ކޯޓުން ކަނޑައެޅީ، ސެޓްލްމަންޓް އެއްބަސްވުމުގެ 3.2.4 އާއި 5 ވަނަ މާއްދާގެ ސާފު ލަފުޒުން އެނގެނީ، އެކްސްޕްރެސް މޯލްޑިވްސް ދަރަނި ދެއްކުމާ ހަވާލުވި ނަމަވެސް، އެ ދަރަނި ނުދައްކައިފިނަމަ އެއީ ޙުސައިން މާހިރު އިބްރާހީމް ދައްކަންޖެހޭ ދަރަންޏެއް ކަމަށެވެ. ދެފަރާތް ސާފު ބަހުން އެއްބަސްވެފައިވާ ގޮތާ ޚިލާފަށް ދަރަނި ކެނޑިއްޖެ ކަމަށް ދަށު ކޯޓުތަކުން ނިންމީ ޤާނޫނާ އެއްގޮތަށް ނޫނެވެ. އެހެންކަމުން ޙުސައިން މާހިރު އިބްރާހީމް ބަރީއަވި ކަމަށް ކުރި ނިންމުން ބާޠިލުކޮށް، ސާބިތުވެފައިވާ ދަރަންޏަކީ އޭނާ އެމްއެފްއެލްސީއަށް ދައްކަންޖެހޭ ދަރަންޏެއް ކަމަށް ކަނޑައެޅިއެވެ.
ނިންމުން
ބައެއް ބަދަލުކުރިހައިކޯޓުގެ ޙުކުމުގެ ބައެއް ބާޠިލު (އިއްތިފާޤުން)
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 މި ދެމާއްދާގެ ސާފު އިބާރާތުން އެނގެނީ ކުލީގެ އެއްބަސްވުމުގެ ދަށުން ޙުސައިން މާހިރު އިބްރާހީމް އެމްއެފްއެލްސީ އަށް އަދާކުރަން ޖެހޭ ދަރަނި ދެއްކުމާ އެކްސްޕްރެސް މޯލްޑިވްސް އިން ސެޓްލްމަންޓް އެގްރީމަންޓުގެ ދަށުން ހަވާލުވި ނަމަވެސް، އެ ދަރަނި އެކްސްޕްރެސް މޯލްޑިވްސް އިން ނުދައްކައިފި ހާލަތެއްގައި އެ ދަރަންޏަކީ ޙުސައިން މާހިރު އިބްރާހީމް އެމްއެފްއެލްސީއަށް ދައްކަންޖެހޭ ގޮތަށް އޮތް ދަރަންޏެއް ކަމާއި، ޙުސައިން މާހިރު އިބްރާހީމް އެމްއެފްއެލްސީއަށް ދައްކަންޖެހޭ ދަރަނި އެނާގެ ކިބައިން ކެނޑިގެންދާނީ އެކްސްޕްރެސް މޯލްޑިވްސް އިން އެފައިސާ އެމްއެފްއެލްސީއަށް ދެއްކުމުން ނުވަތަ ސީދާ ޙުސައިން މާހިރު އިބްރާހީމް އެފައިސާ އެމްއެފްއެލްސީއަށް ދެއްކުމުން ކަމެވެ.
HN2 ކޮންޓްރެކްޓުގެ ބައިވެރިންގެ މެދުގައި ވަކިގޮތަކަށް އެއްބަސްވެ، އެއްބަސްވެވިފައިވާ ގޮތް އެއްބަސްވުމުގައި ސާފުބަހުން ލިޔެ ބަޔާންކޮށްފައިވަނިކޮށް، އެއެއްބަސްވުމާ ތައާރަޒުވާ ގޮތަށް ޙުސައިން މާހިރު އިބްރާހީމް އެމްއެފްއެލްސީއަށް ދައްކަންޖެހޭ ދަރަނި އެނާގެ ކިބައިން ކެނޑިއްޖެ ކަމަށް ސިވިލް ކޯޓުގެ ނަންބަރު 637/Cv-C/2016 ގަޒިއްޔާ އާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/351 ގަޒިއްޔާގައި ކަނޑައަޅާފައިވަނީ ގާނޫނާ އެއްގޮތަށް ކަމަށް ނުދެކެމެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޙުސްނުއްސުޢޫދު (ރިޔާސަތު)، ޑރ. އަޒްމިރާލްދާ ޒާހިރު، ޢާއިޝާ ޝުޖޫން މުޙައްމަދު
- ރިޔާސަތު
- ޙުސްނުއްސުޢޫދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުސްނުއްސުޢޫދު · ތާއީދުކުރެއްވީ: ޑރ. އަޒްމިރާލްދާ ޒާހިރު، ޢާއިޝާ ޝުޖޫން މުޙައްމަދު
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު..... 1
ތަޢާރުފު..... 1 މައްސަލައިގެ މުހިންމު ވާގިއާތައް..... 1 މައްސަލައިގެ ފަސްފަހަތް..... 4 މުޙައްމަދު މަނިކު ނިޔާވުމާއި، އެކްސްޕްރެސް މޯލްޑިވްސް ހުއްޓިފައި އޮތުން..... 6 ސުޕްރީމް ކޯޓަށް ހުށަހެޅުނު އިސްތިއުނާފު..... 8 އިސްތިއުނާފުގެ މައްސަލައިގައި އެމްއެފްއެލްސީ އިން އެދިފައިވާ ގޮތް..... 8 އިސްތިއުނާފީ ނުކުތާ..... 9
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު..... 10
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު..... 10
ޙުކުމް ..... 10 بِسْمِ الرَّحْمَنِ މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންގް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ޙުސައިން މާހިރު އިބްރާހީމް އަދި އިބްރާހިމް ޒުހައިރު [2023] SC 43
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު : (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު
ޢާއިޝާ ޝުޖޫން މުޙައްމަދު ތާއީދު ކުރައްވާފައި)
ތަޢާރުފު
1މިއީ މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންގް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "އެމްއެފްއެލްސީ") ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވަނީ ޙުސައިން މާހިރު އިބްރާހީމް އާއި އިބްރާހިމް ޒުހައިރުގެ މައްޗަށެވެ.
މައްސަލައިގެ މުހިންމު ވާގިއާތައް
2ފައިނޭންސް ލީސިން އަކީ ކުއްޔަށް ދިނުމުގެ ޚާއްސަ ބާވަތެއްގެ މުއާމަލާތެކެވެ. މިބާވަތުގެ ކުލީގެ މުއާމަލާތުތަކުގައި ފައިސާދޭ ކުންފުންޏަކީ އެ މުއާމަލާތުގައި ހިމެނޭ މުދާ ކުއްޔަށްދޭ ފަރާތެވެ. އެ މުދާ ބޭނުންކުރާ ފަރާތަކީ ކުއްޔަށް ހިފާފަރާތެވެ. ކުއްޔަށްދޫކުރާ މުދަލުގެ ގާނޫނީ މިލްކުވެރިއަކީ މުއާމަލާތް ހިންގުމަށް ފައިސާދޭ ކުންފުންޏެވެ. ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ދައްކަންޖެހޭ (ކުލީގެ) އިންސްޓޯލްމަންޓުތަކުގެ ފައިސާ އެއްބަސްވެފައިވާ ގޮތަށް ދެއްކުމުން އެ މުދަލުގެ ގާނޫނީ މިލްކުވެރިކަން އެ މުދާ ކުއްޔަށް ނަގާ ފަރާތުގެ މައްޗަށް ބަދަލުކުރަންޖެހޭނެއެވެ. އެއްބަސްވުމެއްގެ ދަށުން ފައިނޭންސްކުރާ ކުންފުންޏެއްގެ އަތުން މުދަލެއް ކުއްޔަށް ނެގުމުން އެމުދަލެއްގެ ކޮންޓްރޯލް އޮންނާނީ - އެމުދަލުގެ އަތުގެ ވެރިފަރާތް ކަމަށްވާ - ކުއްޔަށް ހިފާފަރާތުގެ މައްޗަށެވެ. އެހެންކަމުން އެމުދަލުގެ އަތުގެ ވެރިކަމުގެ ނިސްބަތުގައި އެ މުދަލެއްގެ އިގްތިސާދީ ސިފަތަކުގެ މިލްކުވެރިފަރާތަކީ ކުއްޔަށްހިފާ ފަރާތެވެ.
3އެމްއެފްއެލްސީ އަކީ މި ބާވަތުގެ މުއާމަލާތުތަކަށް ފައިސާދޭ ކުންފުންޏެކެވެ.
4ފައިނޭންސް ލީސިންގ އުސޫލުން 'ފަތުރު' ނަމަކަށްކިޔާ ދޯނި ޙުސައިން މާހިރު އިބްރާހީމް އަށް ކުއްޔަށް ދޫކުރުމާބެހޭ ގޮތުން އެމްއެފްއެލްސީ އާއި ޙުސައިން މާހިރު އިބްރާހީމްއާ ދެމެދު 15 ޖުލައި 2007 ގައި އެއްބަސްވުމެއްގައި (މީގެ ފަހުން "ކުލީގެ އެއްބަސްވުން") ސޮއިކުރިއެވެ.
5ކުލީގެ އެއްބަސްވުމުގެ ދަށުން 'ފަތުރު' ދޯނި (މީގެ ފަހުން "އުޅަނދު") އެމްއެފްއެލްސީއިން ޙުސައިން މާހިރު އިބްރާހީމްއަށް ކުއްޔަށް ދޫކޮށްފައިވަނީ މަހުކުލީގެ ގޮތުގައި 40,304.00 ރުފިޔާ ދައްކާގޮތަށް، 48 މަހަށެވެ.
6ކުލީގެ އެއްބަސްވުމާ ގުޅިގެން، ގެރެންޓަރެއްގެ ގޮތުގައި އިބްރާހީމް ޒުހައިރު ސޮއިކޮށްފައި ވެއެވެ.
7ކުލީގެ އެއްބަސްވުމުގެ ދަށުން ޙުސައިން މާހިރު އިބްރާހީމް އެމްއެފްއެލްސީ އަށް ދައްކަންޖެހޭ ފައިސާ ގަވާއިދުން ނުދެއްކުމުގެ ސަބަބުން 30 ނޮވެމްބަރު 2008 ގެ ނިޔަލަށް 1,964,855.27 ރުފިޔާ ޖޫރިމަނާގެ ގޮތުގައި އަރާފައިވެއެވެ.
8ޙުސައިން މާހިރު އިބްރާހީމްގެ ފަރާތުން އެމްއެފްއެލްސީއަށް ދައްކަންޖެހި ނުދައްކައިހުރި ފައިސާ ދެއްކުމާބެހޭ ގޮތުން، އެމްއެފްއެލްސީ އާއި ޙުސައިން މާހިރު އިބްރާހީމް އާއި އަދި އެކްސްޕްރެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާ އެކު 30 ނޮވްމްބަރު 2008 ގައި ދަރަނި ޚަލާސްކުރުމުގެ އެއްބަސްވުމެއްގައި (މީގެ ފަހުން "ސެޓްލްމަންޓް އެގްރީމަންޓް") ސޮއިކުރިއެވެ. ސެޓްލްމަންޓް އެގްރިމަންޓުގައި އެކްސްޕްރެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ހިއްސާދާރެއް ކަމަށްވާ އަލްމަރްހޫމް މުޙައްމަދު މަނިކު 30 ނޮވެމްބަރު 2008 ގައި ގެރެންޓަރެއްގެ ހައިސިއްޔަތުން ސޮއިކޮށްފައި ވެއެވެ.
9މި މައްސަލައިގެ ޚުސޫމަތާގުޅޭ ގޮތުން ސެޓްލްމަންޓް އެގްރީމަންޓުގައިވާ މުހިންމު މާއްދާތަކަކީ އެ އެއްބަސްވުމުގެ 3، 4، 5، 6، 7 އަދި 8 ވަނަ މާއްދާއެވެ.
10އެކްސްޕްރެސް މޯލްޑިވްސް އިން ސެޓްލްމަންޓް އެގްރީމަންޓުގެ 3.1.z ގައި ޖުމްލަ ގޮތެއްގައި އެއްބަސްވެފައިވަނީ އެހާތަނަށް ޙުސައިން މާހިރު އިބްރާހީމްގެ ފަރާތުން އެމްއެފްއެލްސީއަށް ދައްކަންޖެހި، ނުދައްކައިހުރި ފައިސާ އެމްއެފްއެލްސީއަށް ދެއްކުމަށާއި އުޅަނދުގެ އަތުގެ ވެރިކަން އެއެއްބަސްވުމުގައިވާ ގޮތުގެ މަތިން ލިބިގަތުމަށާއި، ކުލީގެ އެއްބަސްވުމުގެ ދަށުން ޙުސައިން މާހިރު އިބްރާހީމް އަދާކުރަންޖެހޭ އެންމެހައި އިލްތިޒާމުތަކާއި ވާޖިބުތަކާއި މަސްއޫލިއްޔަތުތަކާއި ދަރަނިތަކާއި ހަވާލުވުމަށާއި، ސެޓްލްމަންޓް އެގްރީމަންޓުގެ ދަށުން އެކްސްޕްރެސް މޯލްޑިވްސް އިން ދައްކަންޖެހޭ ފައިސާ ނުދައްކައިފިނަމަ އުޅަނދު އެމްއެފްއެލްސީއަށް އަނބުރާ ހަވާލުކުރުމަށެވެ.
11އެމްއެފްއެލްސީ އިން ސެޓްލްމަންޓް އެގްރީމަންޓުގެ 3.2.z ގައި ޖުމްލަ ގޮތެއްގައި އެއްބަސްވެފައިވަނީ ސެޓްލްމަންޓު އެގްރީމަންޓުގެ ދަށުން އެކްސްޕްރެސް މޯލްޑިވްސް އިން ދައްކާ ކުލީގެ ފައިސާލިބިގަތުމަށާއި، ސެޓްލްމަންޓް އެގްރީމަންޓުގެ ދަށުން ދައްކަންޖެހޭ އެންމެހައި ފައިސާ އެކްސްޕްރެސް މޯލްޑިވްސް އިން އެމްއެފްއެލްސީ އަށް ދައްކައި ޚަލާސްކުރުމުން އުޅަނދުގެ ރަޖިސްޓަރީ އެކްސްޕްރެސް މޯލްޑިވްސްގެ މައްޗަށް ބަދަލުކޮށްދިނުމަށާއި، ސެޓްލްމަންޓް އެގްރީމަންޓުގެ ދަށުން ދައްކަންޖެހޭ އެންމެހައި ފައިސާ އެކްސްޕްރެސް މޯލްޑިވްސް އިން އެމްއެފްއެލްސީ އަށް ދައްކައި ޚަލާސްކުރުމުން ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ބެހެއްޓިފައިވާ ފައިސާ އެކްސްޕްރެސް މޯލްޑިވްސްއަށް ދޫކުރުމަށާއި، ސެޓްލްމަންޓް އެގްރީމަންޓުގެ ދަށުން ދައްކަންޖެހޭ އެންމެހައި ފައިސާ އެކްސްޕްރެސް މޯލްޑިވްސް އިން އެމްއެފްއެލްސީ އަށް ދައްކައި ޚަލާސްކުރުމުން ކުލީގެ އެއްބަސްވުމުގެ ދަށުން ޙުސައިން މާހިރު އިބްރާހީމް އަދާކުރަންޖެހޭ އެންމެހައި ވާޖިބުތަކާއި، މަސްއޫލިއްޔަތުތަކާއި، ޒިއްމާތަކާއި، ދަރަނިތަކުން ޙުސައިން މާހިރު އިބްރާހީމް ވީއްލުމަށެވެ.
12ސެޓްލްމަންޓް އެގްރީމަންޓުގެ މ.3.3 ގައި ޙުސައިން މާހިރު އިބްރާހީމް އެއްބަސްވެފައިވަނީ އެ އެގްރީމަންޓުގައި ސޮއިކުރުމާއެކު އުޅަނދު އެކްސްޕްރެސް މޯލްޑިވްސް އަށް ހަވާލުކުރުމަށެވެ.
13ސެޓްލްމަންޓް އެގްރީމަންޓުގެ މ.3.3.3 ގައި ޙުސައިން މާހިރު އިބްރާހީމް އެއްބަސްވެފައިވަނީ ކުލީގެ އެގްރީމަންޓާ އެއްގޮތަށް އެކްސްޕްރެސް މޯލްޑިވްސް އިން އަމަލުކުރާކަން ޔަގީންކުރާނެ ކަމަށެވެ.
14ސެޓްލްމަންޓް އެގްރީމަންޓުގެ މ.3.3.4 ގައި ޙުސައިން މާހިރު އިބްރާހީމް އެއްބަސްވެފައިވަނީ ސެޓްލްމަންޓް އެގްރީމަންޓުގެ ދަށުން ދައްކަންޖެހޭ އެންމެހައި ފައިސާ އެކްސްޕްރެސް މޯލްޑިވްސް އިން އެމްއެފްއެލްސީ އަށް ދައްކައި ޚަލާސްކުރުމުން އުޅަނދުގެ މައްޗަށް ޙުސައިން މާހިރު އިބްރާހީމްއަށް ލިބިގެންވާ އެންމެހައި ގާނޫނީ އަދި މަންފާވެރިކަމުގެ ހައްގުތަގާއި އެނޫންވެސް މަސްލަހަތުތައް އެކްސްޕްރެސް މޯލްޑިވްސްއަށް ދޫކޮށްލުމަށެވެ.
15ސެޓްލްމަންޓް އެގްރީމަންޓުގެ ދަށުން އެމްއެފްއެލްސީއަށް ދައްކަންޖެހޭ ފައިސާގެ އަދަދު ބަޔާންކޮށްފައިވަނީ އެ އެގްރީމަންޓުގެ މ.4 ގައެވެ.
16ސެޓްލްމަންޓް އެގްރީމަންޓުގެ މ.5 ގައި ހުރިހާ ފަރާތްތަކުން އެއްބަސްވެފައިވަނީ ސެޓްލްމަންޓް އެގްރީމަންޓްގެ ދަށުން ދައްކަންޖެހޭ އެންމެހައި ފައިސާ އެކްސްޕްރެސް މޯލްޑިވްސް އިން އެމްއެފްއެލްސީ އަށް ދައްކައި ޚަލާސް ކުރަންދެން ކުލީގެ އެއްބަސްވުން ދިރިދެމި އޮންނާނެކަމަށެވެ.
މައްސަލައިގެ ފަސްފަހަތް
17ސެޓްލްމަންޓް އެގްރީމަންޓުގެ ދަށުން ދައްކަންޖެހޭ ފައިސާ އެމްއެފްއެލްސީއަށް ދައްކާފައިނުވާތީވެ، ނުދައްކައި ހުރި ކުލީގެ ފައިސާ ހޯދުމަށް، އެމްއެފްއެލްސީ އިން ޙުސައިން މާހިރު އިބްރާހީމް އާއި އެކްސްޕްރެސް މޯލްޑިވްސް އާއި މުޙައްމަދު މަނިކު އާއި އިބްރާހީމް ޒުހައިރުގެ މައްޗަށް ސިވިލް ކޯޓުގައި ދައުވާކުރިއެވެ. އެ ދައުވާގެ މައްސަލަ ސިވިލް ކޯޓުގައި ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 749/Cv-C/2015 ގަޒިއްޔާގައެވެ. އެމްއެފްއެލްސީގެ ފަރާތުން އެ ގަޒިއްޔާގައި ދައުވާކޮށްފައިވަނީ ސެޓްލްމަންޓް އެގްރީމަންޓުގެ ދަށުން ދައްކަންޖެހި ނުދައްކައިހުރި ފައިސާ އާއި ފައިސާ ނުދެއްކުމުގެ ސަބަބުން އަރާފައިވާ ޖުރިމާނާއާއެކު ޖުމްލަ 987,500.89 ރުފިޔާ ހޯދުމަށެވެ. އެ މައްސަލައިގައި ސިވިލް ކޯޓުން ހުކުމްކުރީ އެމްއެފްއެލްސީ އަށް ދައްކަންޖެހި ނުދައްކައި ހުރި ފައިސާ ދައްކަންޖެހޭ ފަރާތަކީ އެކްސްޕްރެސް މޯލްޑިވްސް އާއި ސެޓްލްމަންޓް އެގްރީމަންޓުގެ ދަށުން އެ ފައިސާ ދެއްކުމަށް ގަރަންޓީދިން މުޙައްމަދު މަނިކު ކަމަށެވެ.
18މި ބަޔާންކުރި ގޮތަށް ސިވިލް ކޯޓުން އެ މައްސަލަ ނިންމުމުން އެމްއެފްއެލްސީގެ ފަރާތުން އެ ހުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. އެ އިސްތިއުނާފުގެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބަލާފައިވަނީ ހައިކޯޓުގެ ނަންބަރު 2017/HC-A/351 ގަޒިއްޔާގައެވެ.
19ސިވިލް ކޯޓުގެ ހުކުމް އިސްތިއުނާފުކުރުމަށް އެމްއެފްއެލްސީއިން ހުށަހެޅި އިސްތިއުނާފީ ނުކުތާގައި ބުނެފައިވަނީ ސެޓްލްމަންޓް އެގްރީމަންޓުގެ ދަށުން އެމްއެފްއެލްސީއަށް ދައްކަންޖެހި ނުދައްކައި ހުރި ފައިސާ ދެއްކުމަށް ޒިއްމާވާންޖެހޭ ފަރާތަކީ ހަމައެކަނި އެކްސްޕްރެސް މޯލްޑިވްސް އާއި މުޙައްމަދު މަނިކު ކަމަށް ނިންމާފައިވަނީ ސައްހަ އުސޫލަކުން ނޫންކަމަށާއި، ސެޓްލްމަންޓް އެގްރީމަންޓުގެ ދަށުން އެމްއެފްއެލްސީއަށް ދައްކަންޖެހި ނުދައްކައި ހުރި ފައިސާ އެމްއެފްއެލްސީއަށް ދެއްކުމުގެ ޒިއްމާއިން ޙުސައިން މާހިރު އިބްރާހީމް އާއި އިބްރާހީމް ޒުހައިރު ސިވިލް ކޯޓުގެ ހުކުމުން ވީއްލާފައިވަނީ ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތަކާއި ކޮންޓްރެކްޓާބެހޭ ގާނޫނާ ޚިލާފަށް ކަމަށެވެ.
20މި ނުކުތާގެ ރައްދުގައި ޙުސައިން މާހިރު އިބްރާހީމް އާއި އިބްރާހީމް ޒުހައިރުގެ ފަރާތުން ބުނެފައިވަނީ ކުލީގެ އެއްބަސްވުމުގެ ދަށުން އުފެދިފައިވާ އެއްމެހާ ޒިއްމާތައް ސެޓްލްމަންޓް އެގްރީމަންޓުގައި ސޮއިކުރުމުން އެކްސްޕްރެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި މުޙައްމަދު މަނިކުގެ މައްޗަށް ބަދަލުވެފައިވާ ކަމަށެވެ. އެހެނީ ސެޓްލްމަންޓް އެގްރީމަންޓުގެ މަގްސަދަކީ ކުލީގެ އެއްބަސްވުމުގެ ދަށުން އެދެފަރާތުން އަދާކުރަންޖެހޭ އެންމެހައި ޒިއްމާތައް އެކްސްޕްރެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި މުޙައްމަދު މަނިކުއަށް ނަގުލުކުރުން ކަމަށެވެ. އިސްތިއުނާފީ ނުކުތާއާ ބެހޭގޮތުން، އިބްރާހީމް ޒުހައިރު ބުނެފައިވަނީ އޭނާ ކުލީގެ އެއްބަސްވުމުގެ ދަށުން ގަރަންޓީ ދިނީ ޙުސައިން މާހިރު އިބްރާހީމްގެ ޒިއްމާގެ މައްޗަށް ކަމަށާއި އެހެންކަމުން ޙުސައިން މާހިރު އިބްރާހީމްގެ ޒިއްމާތަކުން ޙުސައިން މާހިރު އިބްރާހީމް ބަރީއަވުމުން، އޭގެ ނަތީޖާއެއްގެ ގޮތުން އޭނާގެ ޒިއްމާތައް ވެސް އެހިސާބުން ނިމުމަކަށް އައިސްފައިވާ ކަމަށެވެ.
21ދިވެހިރާއްޖޭގެ ހައިކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ސެޓްލްމަންޓް އެގްރީމަންޓުގައި ސޮއިކުރުމުން ކުލީގެ އެއްބަސްވުމުގެ ދަށުން ޙުސައިން މާހިރު އިބްރާހީމް އަދާކުރަންޖެހޭ އެންމެހައި ޒިއްމާތަކުން އޭނާ ބަރީއަވެފައިވާ ކަމަށެވެ. އަދި އިބްރާހީމް ޒުހައިރު ޖާމިނުވެފައިވަނީ ޙުސައިން މާހިރު އިބްރާހީމް ދައްކަންޖެހޭ ފައިސާނުދެއްކިއްޖެ ނަމަ، އެފައިސާ ދެއްކުމަށް ކަމަށާއި، ޙުސައިން މާހިރު އިބްރާހީމް ދައްކަންޖެހި ނުދެއްކިވާ ފައިސާ ދެއްކުމަށް އެހެން ތިންވަނަ ފަރާތަކާއި ހަވާލުކުރެވިފައިވަނީ އިބްރާހީމް ޒުހައިރުގެ ބަހެއް ނެތި ކަމުގައި ވުމުން، އަދި އޭނާއަށް އެންގުމެއް ނެތި ކަމުގައި ވުމުން އެމްއެފްއެލްސީ އިން ދައުވާކުރާ ފައިސާ ދެއްކުމުގެ ޒިއްމާއިން އިބްރާހިމް ޒުހައިރުވެސް ބަރީއަވެފައިވާ ކަމަށް ހައިކޯޓުގެ ހުކުމުގައި ބަޔާންކޮށްފައި ވެއެވެ.
22ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/351 ގަޒިއްޔާ ނިމިފައިވާ ގޮތާމެދު ހިތްހަމަ ނުޖެހިގެން އެމްއެފްއެލްސީގެ ފަރާތުން، އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައި ވެއެވެ. މިއީ އެ އިސްތިއުނާފުގެ މައްސަލައިގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމެވެ. މުޙައްމަދު މަނިކު ނިޔާވުމާއި، އެކްސްޕްރެސް މޯލްޑިވްސް ހުއްޓިފައި އޮތުން
23ސިވިލް ކޯޓުގެ ނަންބަރު 749/Cv-C/2015 ގަޒިއްޔާ އިސްތިއުނާފުކުރުމަށް 6 އޮގަސްޓް 2017 ގައި ހުށަހެޅިފައިވަނިކޮށް، އަދި އެ އިސްތިއުނާފުގެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/351 ގަޒިއްޔާގައި ހިނގަމުން ދަނިކޮށް، 8 ސެޕްޓެމްބަރު 2018 ގައި އެގަޒިއްޔާގައި އިސްތިއުނާފުރައްދުވާ އެކަކު ކަމުގައިވާ […] މުޙައްމަދު މަނިކު ނިޔާވެފައި ވެއެވެ. އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/351 ގަޒިއްޔާގައި އިސްތިއުނާފު ރައްދުވާ އިތުރު އެހެން ފަރާތެއް ކަމަށްވާ އެކްސްޕްރެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން ދިވެހިރާއްޖޭގެ ހައިކޯޓުގައި 23 ޖުލައި 2019 ގައި އޮތް ޝަރިއަތުގެ މަޖިލީހަށް ހާޒިރުވުމުގެ އަމުރު ފޮނުވުމުން، […] އަލްމަރްހޫމް މުޙައްމަދު މަނިކުގެ ދެ ދަރިންގެ ފަރާތުން ހައިކޯޓަށް އަންގާފައިވަނީ އެކްސްޕްރެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ހިއްސާދާރުންނަކީ އަލްމަރްހޫމް މުޙައްމަދު މަނިކުއާއި އަލްފާ-އަލްފާ-ކިނާމް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ކަމަށާއި، އެކްސްޕްރެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނެނީ އަލްމަރްހޫމް މުޙައްމަދު މަނިކުއާއި ޢަލީ ނިމާން އެވެ ކިޔާ މީހެއް ކަމަށެވެ. އަދި ކުންފުނި ތަމްސީލުކުރެވޭނީ ދެ ޑިރެކްޓަރުންގެ ވޯޓުން ފާސްކުރާ ގޮތަކަށް ކަމަށާއި، އަލްމަރުހޫމް މުޙައްމަދު މަނިކުގެ ތަރިކައިގެ މައްސަލަ ކޯޓުގައި ހިނގަމުންދާތީ އެ މައްސަލަ ނިމުމުގެ ކުރިން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑު އަލުން އެކުލަވައިލެވި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމެއް ބޭއްވޭގޮތް ވުމުގެ ކުރިން ކުންފުނީގެ ބޯޑުގެ ގަރާރެއް ފާސްކުރެވޭނެ ގޮތެއް ނެތް ކަމަށެވެ. އެކްސްޕްރެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ބޯޑުގެ އަނެއް ޑައިރެކްޓަރު ކަމަށްވާ ޢަލީ ނިމާން ގެ ފަރާތުން 9 ސެޕްޓެމްބަރު 2019 ގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ފޮނުވި ސިޓީގައި ބުނެފައިވަނީ މުޙައްމަދު މަނިކު ނިޔާވުމާ ގުޅިގެން ކުންފުނި ހުއްޓުމަކަށް އައިސްފައިވާ ކަމަށާއި، އޭނާ އަކީ އެ ކުންފުނީގެ ހިއްސާދާރެއް ކަމަށް ނުވާތީ އެ ކުންފުނީގެ ފަރާތުން އޭނާއަށް ކުރެވޭނެ ކަމެއް ނެތް ކަމަށެވެ. 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާ ހަމައަށް އައި އިރުވެސް މި އިސްތިއުނާފުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ގޮތެއް ނުވެގެން، އިސްތިއުނާފުގެ ގަޒިއްޔާއިން މުޙައްމަދު މަނިކުއާއި އެކްސްޕްރެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އުނިކޮށް، އެގަޒިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތްތައް ކަމުގައިވާ ޙުސައިން މާހިރު އިބްރާހީމް އާއި އިބްރާހީމް ޒުހައިރު ހިމަނައިގެން އިސްތިއުނާފުގެ ގަޒިއްޔާ ކުރިއަށް ގެންގޮސް ދިނުމަށް އެމްއެފްއެލްސީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/351 ގަޒިއްޔާ ހިންގައި އެ ގަޒިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ އެ ގަޒިއްޔާއިން މުޙައްމަދު މަނިކުއާއި އެކްސްޕްރެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އުނިކޮށް، އެގަޒިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކަކީ ހަމައެކަނި ޙުސައިން މާހިރު އިބްރާހީމް އާއި އިބްރާހިމް ޒުހައިރު ކަމަށް ހަމަޖައްސައިގެންނެވެ.
ސުޕްރީމް ކޯޓަށް ހުށަހެޅުނު އިސްތިއުނާފު
24އެމްއެފްއެލްސީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/351 ގަޒިއްޔާ އިސްތިއުނާފުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ އަންނަނިވި ނުކުތާތަކެވެ.
(ހ) ލީސް ޕޭމަންޓު ދެއްކުމުގައި ޒިއްމާވާންޖެހޭ ފަރާތަކީ ހަމައެކަނި އެކްސްޕްރެސް މޯލްޑިވްސް އާއި މުޙައްމަދު މަނިކު ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ އެއްބަސްވުމާ ޚިލާފަށް ކަމުގައި ވުން.
(ށ) ސެޓްލްމަންޓް އެގްރީމަންޓުގައި ސޮއިކުރުމުން، ކުލީގެ އެއްބަސްވުމުގެ ދަށުން ޙުސައިން މާހިރު އިބްރާހީމް އާއި އިބްރާހިމް ޒުހައިރު އެމްއެފްއެލްސީއަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގެ ޒިއްމާއިން ވީއްލިފައިވާ ކަމަށް އިސްތިއުނާފުކުރެވޭ ގަޒިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ ދެފަރާތުގެ ދެމެދުގައި ސޮއިކޮށްފައިވާ ކުލީގެ އެއްބަސްވުމާއި ސެޓްލްމަންޓް އެގްރީމަންޓާ ޚިލާފަށް ކަމުގައި ވުން. އިސްތިއުނާފުގެ މައްސަލައިގައި އެމްއެފްއެލްސީ އިން އެދިފައިވާ ގޮތް
25އިސްތިއުނާފުގެ މި މައްސަލައިގައި އެމްއެފްއެލްސީ އިން އެދިފައިވަނީ؛ (1) އިސްތިއުނާފުކުރެވޭ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/351 ގަޒިއްޔާގެ ހުކުމް ބާތިލުކޮށްދިނުމަށާއި، (2) ސިވިލް ކޯޓުގެ ނަންބަރު 637/Cv-C/2016 ގަޒިއްޔާގައި ހުކުމްކޮށްފައިވާ ފަދައިން ކުލީގެ އެއްބަސްވުމުގެ ދަށުން އެކްސްޕްރެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި މުޙައްމަދު މަނިކު ސެޓްލްމަންޓު އެގްރީމަންޓްގެ ދަށުން އެމްއެފްއެލްސީ އަށް ފައިސާ ދައްކަންޖެހޭ ކަމަށް ކަނޑައަޅާފައިވާ ކަނޑައެޅުމަށް ތާއީދުކޮށް ދިނުމަށާއި، އަދި، (3) ސެޓްލްމަންޓު އެގްރީމަންޓްގެ ދަށުން އެމްއެފްއެލްސީ އިން ދައުވާކޮށްފައިވާ 987,500.89 ރުފިޔާ އަކީ ޙުސައިން މާހިރު އިބްރާހީމްގެ ފަރާތުން އެމްއެފްއެލްސީއަށް އަދާކުރަންޖެހޭ ފައިސާއެއް ކަމަށް ކަނޑައަޅައިދިނުމަށެވެ. އަދި މިހާރު މިފައިސާ އިބްރާހީމް ޒުހައިރުގެ ކިބައިން ހޯދަން ބޭނުންނުވާކަމަށް އެމްއެފްއެލްސީގެ ފަރާތުން ސުޕްރީމް ކޯޓުގައި ބުނެފައި ވެއެވެ.
އިސްތިއުނާފީ ނުކުތާ
26އިސްތިއުނާފީ ނުކުތާތަކުގައި އެމްއެފްއެލްސީގެ ފަރާތުން ބުނެފައިވަނީ ސެޓްލްމަންޓް އެގްރީމަންޓުގައި ސޮއިކުރުމުން، ކުލީގެ އެއްބަސްވުމުގެ ދަށުން ޙުސައިން މާހިރު އިބްރާހީމް އާއި އިބްރާހީމް ޒުހައިރު އެމްއެފްއެލްސީއަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގެ ޒިއްމާއިން ވީއްލިފައިވާ ކަމަށާއި، ސެޓްލްމަންޓް އެގްރީމަންޓުގައި ސޮއިކުރުމުން ލީސް ޕޭމަންޓު ދެއްކުމުގައި ޒިއްމާވާންޖެހޭ ފަރާތަކީ އެކްސްޕްރެސް މޯލްޑިވްސް އާއި މުޙައްމަދު މަނިކު ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ އެއްބަސްވުމާ ޚިލާފަށް ކަމަށާއި، ހައިކޯޓުގެ މި ނިންމުމަކީ ކުލީގެ އެއްބަސްވުމާއި ސެޓްލްމަންޓް އެގްރީމަންޓާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ. އެހެންކަމުން މި މައްސަލައިގައި ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ ނުކުތާއަކީ ސެޓްލްމަންޓް އެގްރީމަންޓުގައި ސޮއިކުރުމުން ކުލީގެ އެއްބަސްވުމުގެ ދަށުން ޙުސައިން މާހިރު އިބްރާހީމް އެމްއެފްއެލްސީއަށް އަދާކުރަންޖެހޭ އިލްތިޒާމްތަކުން ވީއްލިފައިވޭތޯ ނުވަތަ ނޫންތޯއެވެ.
27HN1ސެޓްލްމަންޓް އެގްރީމަންޓުގެ 3.2.4 ވަނަ މާއްދާގައި އެ އެއްބަސްވުމުގެ ތިން ބައިވެރިން އެއްބަސްވެފައިވަނީ ކުލީގެ އެއްބަސްވުމުގެ ދަށުން ޙުސައިން މާހިރު އިބްރާހީމް އަދާކުރަންޖެހޭ އެންމެހައި ވާޖިބުތަކާއި، މަސްއޫލިއްޔަތުތަކާއި، ޒިއްމާތަކާއި، ދަރަނިތަކުން ޙުސައިން މާހިރު އިބްރާހީމް ވީއްލޭނީ ކުލީގެ އެއްބަސްވުމުގެ ދަށުން ޙުސައިން މާހިރު އިބްރާހީމް އެމްއެފްއެލްސީއަށް ދައްކަންޖެހޭ އެންމެހައި ފައިސާ އެކްސްޕްރެސް މޯލްޑިވްސް އިން އެމްއެފްއެލްސީ އަށް ދައްކައި ޚަލާސްކުރުމުން ކަމަށެވެ. އަދި ސެޓްލްމަންޓް އެގްރީމަންޓުގެ 5 ވަނަ މާއްދާގައި ބުނެފައިވަނީ ސެޓްލްމަންޓް އެގްރީމަންޓުގެ ދަށުން ދައްކަންޖެހޭ އެންމެހައި ފައިސާ އެކްސްޕްރެސް މޯލްޑިވްސް އިން އެމްއެފްއެލްސީ އަށް ދައްކައި ޚަލާސް ކުރަންދެން ޙުސައިން މާހިރު އިބްރާހީމް އާއި އެމްއެފްއެލްސީއާ ދެމެދު ސޮއިކޮށްފައިވާ ކުލީގެ އެއްބަސްވުން ދިރިދެމި އޮންނާނެކަމަށެވެ. މި ދެމާއްދާގެ ސާފު އިބާރާތުން އެނގެނީ ކުލީގެ އެއްބަސްވުމުގެ ދަށުން ޙުސައިން މާހިރު އިބްރާހީމް އެމްއެފްއެލްސީ އަށް އަދާކުރަން ޖެހޭ ދަރަނި ދެއްކުމާ އެކްސްޕްރެސް މޯލްޑިވްސް އިން ސެޓްލްމަންޓް އެގްރީމަންޓުގެ ދަށުން ހަވާލުވި ނަމަވެސް، އެ ދަރަނި އެކްސްޕްރެސް މޯލްޑިވްސް އިން ނުދައްކައިފި ހާލަތެއްގައި އެ ދަރަންޏަކީ ޙުސައިން މާހިރު އިބްރާހީމް އެމްއެފްއެލްސީއަށް ދައްކަންޖެހޭ ގޮތަށް އޮތް ދަރަންޏެއް ކަމާއި، ޙުސައިން މާހިރު އިބްރާހީމް އެމްއެފްއެލްސީއަށް ދައްކަންޖެހޭ ދަރަނި އެނާގެ ކިބައިން ކެނޑިގެންދާނީ އެކްސްޕްރެސް މޯލްޑިވްސް އިން އެފައިސާ އެމްއެފްއެލްސީއަށް ދެއްކުމުން ނުވަތަ ސީދާ ޙުސައިން މާހިރު އިބްރާހީމް އެފައިސާ އެމްއެފްއެލްސީއަށް ދެއްކުމުން ކަމެވެ.
28HN2ކޮންޓްރެކްޓުގެ ބައިވެރިންގެ މެދުގައި ވަކިގޮތަކަށް އެއްބަސްވެ، އެއްބަސްވެވިފައިވާ ގޮތް އެއްބަސްވުމުގައި ސާފުބަހުން ލިޔެ ބަޔާންކޮށްފައިވަނިކޮށް، އެއެއްބަސްވުމާ ތައާރަޒުވާ ގޮތަށް ޙުސައިން މާހިރު އިބްރާހީމް އެމްއެފްއެލްސީއަށް ދައްކަންޖެހޭ ދަރަނި އެނާގެ ކިބައިން ކެނޑިއްޖެ ކަމަށް ސިވިލް ކޯޓުގެ ނަންބަރު 637/Cv-C/2016 ގަޒިއްޔާ އާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/351 ގަޒިއްޔާގައި ކަނޑައަޅާފައިވަނީ ގާނޫނާ އެއްގޮތަށް ކަމަށް ނުދެކެމެވެ.
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު
29މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު
30މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، މަތީގައި ބަޔާންކުރި ސަބަބުތައް އެހެން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 637/Cv-C/2016 ގަޒިއްޔާ އާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/351 ގަޒިއްޔާގެ ހުކުމުގައިވާ ދަރަނިން ޙުސައިން މާހިރު އިބްރާހީމް ވީއްލިފައިވާ ކަމަށް ނިންމާފައިވާ ނިންމުން ބާތިލުކޮށް، ސިވިލް ކޯޓުގެ ނަންބަރު 637/Cv-C/2016 ގަޒިއްޔާއިން ސާބިތުވެފައިވާ ދަރަންޏަކީ ޙުސައިން މާހިރު އިބްރާހީމް އެމްއެފްއެލްސީއަށް ދައްކަންޖެހޭ ދަރަންޏެއް ކަމަށް މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައިފީމެވެ. މި ގަޒިއްޔާ ބަލައި ޙުކުމް ކުރީ: (ރިޔާސަތު)
ފުޓްނޯޓު
- 1.1.z
- 1.2.z
- 1.3.z
- 1.4.z
- 2.1.z
- 2.2.z
- 2.3.z
- 2.4.z
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
—
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.