ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2023] SC 22 · 2022/SC-A/54ސުޕްރީމް ކޯޓު · 25 މޭ 2023

އެޓަރނީ ޖެނެރަލްގެ އޮފީސް (ދިވެހި ދައުލަތް) ވ. އޭޝިއާ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް

ސުޕްރީމް ކޯޓު
1 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 25 މޭ 2023ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

2022/SC-A/54 ޝަރީޢަތް ނިމުނުގޮތް އެޓަރނީ ޖެނެރަލްގެ އޮފީސް (ދިވެހި ދައުލަތް) ވ. އޭޝިއާ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް ފަނޑިޔާރުންގެ މަޖިލިސް އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް

ނިމުނު ތާރީޚު 25 މެއި 2023 އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ 2018/HC-A/297

އިސްތިއުނާފު ރައްދުވާ ފަރާތް އިސްތިއުނާފުކުރާ ފަރާތް އޭޝިއާ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް

އެޓަރނީ ޖެނެރަލްގެ އޮފީސް (ދިވެހި ދައުލަތް)

ޤާނޫނީ ވަކީލު:

މުޙައްމަދު ޝަހުދީ އަންވަރު، އޭ.އައި.އެސް އެލް.އެލް.ޕީ ޤާނޫނީ ވަކީލު:

ސީނިއަރ ސްޓޭޓް ކައުންސެލް ޙައްވާ ސަނާ

ސްޓޭޓް އެޓަރނީ އީމާނު ހާނީ

ސްޓޭޓް އެޓަރނީ ޙައްމާދު ވާފިރު

މަދަނީ – ފައިސާ ހޯދުން – ޝަރީޢަތަށް ހުށަހެޅޭ މައްސަލަތަކުގައި ޝަރީޢަތުން ގޮތް ކަނޑައަޅުން – މައުޟޫޢީ ގޮތުން މައްސަލަ ބެލުން – ތަހުވީލު – ހައިކޯޓަށް މައްސަލަ ތަހްވީލު ކުރުން

ފިހުރިސްތު

އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔު 1

ތަޢާރުފު 1

ދައުލަތުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ އަދި އެ ދަޢުވާއަށް އޭޝިއާ ރިސޯޓްސް އިން ދިން ޖަވާބު 1

ސިވިލް ކޯޓަށް ހުށަހެޅުނު މައްސަލަ އެކޯޓުން ނިންމި ގޮތް 3

އޭޝިއާ ރިސޯޓްސްގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފު އަދި ހައިކޯޓުން ނިންމި ގޮތް 4

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ކުރެވުނު އިސްތިއުނާފު 6

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ކުރި އިސްތިއުނާފުގެ ޖަވާބު 8

ޝަރީޢަތުން ގޮތް ކަނޑައެޅުން 9

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު 11

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު 14

ޙުކުމް 14

` އެޓަރނީ ޖެނެރަލްގެ އޮފީސް (ދިވެހި ދައުލަތް) ވ. އޭޝިއާ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް [2023] SC 22 އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔު (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި)

ތަޢާރުފު

1. މިއީ، އެޓަރނީ ޖެނެރަލްގެ އޮފީސް (ދިވެހި ދައުލަތް) ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، ބެލި އިސްތިއުނާފީ މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ އޭޝިއާ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް (އޭޝިއާ ރިސޯޓްސް)1 އެވެ. ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވިފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/297 ޤަޟިއްޔާ އެވެ. ސިވިލް ކޯޓުން މި މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 1215/Cv-C/2017 ޤަޟިއްޔާއިންނެވެ.

ދައުލަތުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ އަދި އެ ދަޢުވާއަށް އޭޝިއާ ރިސޯޓްސް އިން ދިން ޖަވާބު

2. ދައުލަތުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާއަކީ އޭޝިއާ ރިސޯޓްސްއާއި މިނިސްޓްރީ އޮފް ޓޫރިޒަމާއި ދެމެދުގައި 05 މޭ 2005 ގައި ވެފައިވާ ލީސް އެގްރީމަންޓްގެ2 ދަށުން ތ. ކަޅުފަހަލަފުށީގެ ކުލީގެ ގޮތުގައި 2009 އިން ފެށިގެން 08 ފެބްރުއަރީ 2015 ގެ ނިޔަލަށް ދައްކަންޖެހޭ US$11,140,447.64 (އެގާރަމިލިއަން އެއްލައްކަ ސާޅީސްހާސް ހަތަރުސަތޭކަ ސާޅީސް ހަތް ޑޮލަރު ފަސްދޮޅަސް ހަތަރު ސެންޓު) އާއި ކުލި ނުދެކުމުން ޖޫރިމަނާއާއި އިންޓްރެސްޓްގެ ގޮތުގައި 27 މާރިޗް 2018 ގެ ނިޔަލަށް އަރާފައިވާ US$11,323,963.88 (އެގާރަމިލިއަން ތިންލައްކަ ތޭވީސްހާސް ނުވަސަތޭކަ ފަސްދޮޅަސް ތިން ޑޮލަރު އައްޑިހަ އަށެއް ސެންޓު) އާއެކު ޖުމްލަ US$22,464,411.52 (ބާވީސް މިލިއަން ހަތަރުސަތޭކަ ފަސްދޮޅަސްހަތަރުހާސް ހަތަރުސަތޭކަ އެގާރަ ޑޮލަރު ފަންސާސް ދޭއް ސެންޓު) އަދި އެ ފައިސާ ދައްކާ ޚަލާސްކުރުމާ ހަމަޔަށް އަރަމުންދާ ޖޫރިމަނާއާއި އިންޓްރަސްޓްގެ ފައިސާ ދިވެހި ދައުލަތަށް ލިބުމަށް އެދި އޭޝިއާ ރިސޯޓްސްގެ މައްޗަށް ހުށަހެޅި ދަޢުވާއެކެވެ. ދައުލަތުގެ ފަރާތުން މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ މޯލްޑިވެސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިންނެވެ. މީރާގެ ފަރާތުން ސިވިލް ކޯޓަށް ދަޢުވާ ހުށަހަޅާފައިވަނީ 19 އެޕްރީލް 2017 ގައެވެ. ސިވިލް ކޯޓުން މި މައްސަލަ ނިންމާފައިވަނީ 28 މާރިޗް 2018 ގައެވެ.

3. ދައުލަތުން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާގެ ޖަވާބުގައި އޭޝިއާ ރިސޯޓްސް އިން ބުނަނީ މި ދަޢުވާއަކީ މިހާރު އެ ކުންފުނީގެ މައްޗަށް އުފުލޭނެ ދަޢުވާއެއް ނޫންކަމަށެވެ. ސަބަބަކީ، އޭޝިއާ ރިސޯޓްސްއަކީ ކުންފުނި އުވާލުމަށް ކުންފުނީގެ ޢާންމު ޖަލްސާއިން ފާސްކޮށް ލިކުއިޑޭޓަރަކު ޢައްޔަނުކޮށް ޤާނޫނުގައިވާގޮތަށް ފުރިހަމަކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަކޮށް 06 އެޕްރިލް 2015 ގައި US$57,351.00 (ފަންސާސްހަތްހާސް ތިންސަތޭކަ ފަންސާސް އެކެއް ޔޫއެސް ޑޮލަރު) މީރާއަށް ދައްކާފައިވުމާއެކު މިހާރު އެ ކުންފުންޏަކީ ކުންފުނީގައި އެއްވެސް މުދަލެއް ނެތް ކުންފުނި އުވާލުމަށް ރަޖިސްޓްރާރ އޮފް ކޮމްޕެނީޒަށް ހުށަހަޅާފައިވާ ކުންފުންޏަކަށްވާތީއެވެ.

4. އޭޝިޔާ ރިސޯޓްސްގެ ލިކުއިޑޭޓަރުގެ ހައިސިއްޔަތުން އޭއައިއެސް އެލްއެލްޕީ އިން 14 މާރޗް 2015 ގައި ރަޖިސްޓްރާރ އޮފް ކޮމްޕެނީޒްއަށް ފޮނުވި ސިޓީ3ގައި ބަޔާން ކޮށްފައިވަނީ އޭޝިޔާ ރިސޯޓްސް އުވާލަން ނިންމި އިރު ކުންފުނީގެ ހިއްސާދާރުން ހިއްސާގެ ރައުސްމާލަށް ދައްކަންޖެހޭ އެއް މިލިޔަން ރުފިޔާ ފިޔަވައި އެހެން އެއްވެސް މުދަލެއް ކުންފުނީގައި ނެތްކަމަށެވެ. އަދި ކުންފުނީގެ ހިއްސާއަށް ކޯލް ކޮށް ލިބުނު އެއް މިލިޔަން ރުފިޔާ އިން ލިކުއިޑޭޝަނާއި ގުޅިގެން ޚަރަދުވި US$7,500 (ހަތްހާސް ފައްސަތޭކަ ޑޮލަރު) ކެނޑުމަށްފަހު ބާކީއޮތް، US$57,351.00 (ފަންސާސްހަތްހާސް ތިންސަތޭކަ ފަންސާސް އެކެއް ޔޫއެސް ޑޮލަރު) 06 އެޕްރީލް 2015 ގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދައްކާފައިވާކަމަށެވެ.

ސިވިލް ކޯޓަށް ހުށަހެޅުނު މައްސަލަ އެ ކޯޓުން ނިންމި ގޮތް

5. ސިވިލް ކޯޓަށް ހުށަހެޅުނު އެ ކޯޓުގެ ނަންބަރު 1215/Cv-C/2017 ޤަޟިއްޔާ ނިންމާފައިވަނީ ދައުލަތުން ދަޢުވާކުރި US$22,464,411.52 (ބާވީސް މިލިއަން ހަތަރުސަތޭކަ ފަސްދޮޅަސްހަތަރުހާސް ހަތަރުސަތޭކަ އެގާރަ ޑޮލަރު ފަންސާސް ދޭއް ސެންޓު) އަކީ އޭޝިއާ ރިސޯޓްސް އިން ދައުލަތަށް ދައްކަންޖެހޭ ފައިސާއެއްކަން ހުށަހެޅުނު ލިޔުންތަކުން ސާބިތުވާކަމަށެވެ.

6. ސިވިލް ކޯޓުގެ ނިންމުން ބިނާކުރީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ރިޢާޔަތްކޮށެވެ.

6.1- ދައުލަތުން ހޯދުމަށް އެދިފައިވާ US$22,464,411.52 (ބާވީސް މިލިއަން ހަތަރުސަތޭކަ ފަސްދޮޅަސްހަތަރުހާސް ހަތަރުސަތޭކަ އެގާރަ ޑޮލަރު ފަންސާސް ދޭއް ސެންޓު) އަކީ، މިފައިސާ ދައްކާ ޚަލާޞްކުރުމާ ހަމަޔަށް އަރަމުންދާ ޖޫރިމަނާއާއި އިންޓްރެސްޓާއެކު އޭޝިއާ ރިސޯޓްސްގެ ފަރާތުން، މީރާއަށް ދައްކަންޖެހި ނުދައްކާއޮތް ފައިސާއެއްކަން 10 އެޕްރީލް 2017 މި ތާރީޚުގައި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ސޮއިކޮށްފައިވާ ލިޔުމުންނާއި ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮންނަކަން؛

6.2- ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ4 ދަށުން ކުންފުނި އުވާލުމަށް ހުށަހަޅާފައިވާކަމަށް އޭޝިއާ ރިސޯޓްސްއިން ބުނެފައިވީނަމަވެސް، މީރާގެ ފަރާތުން ކޮށްފައިވާ ދަޢުވާގައި ބުނާ ކުއްޔާއި ޖޫރިމަނާގެ ފައިސާ ދެއްކި ކަމަށްބުނެ ޞަރީޙަކޮށް ދަޢުވާއަށް އިންކާރުކޮށްފައި ނުވުމަކީ ދަޢުވާގައި ހިމެނޭ ދެފަރާތް ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ތ. ކަޅުފަހަލަފުށީގެ ކުއްޔާއި ޖޫރިމަނާ ފައިސާ އޭޝިއާ ރިސޯޓްސްއިން ދައްކާފައިނުވާކަން ދަލީލުކޮށްދޭކަމެއްކަން؛

6.3- އޭޝިއާ ރިސޯޓްސްއަކީ ޤާނޫނީ ހަމަތަކުގެ މަތިން އުފެދި ރަޖިސްޓްރީވެފައިވާ ކުންފުންޏެއް ކަމާއި ކުންފުނި އުވާނުލާހާ ހިނދަކު ކުންފުނީގެ ފަރާތުން އަދާކުރަންޖެހޭ ކަންތަކުގެ މައްޗަށް އޮތް ޒިންމާ އަދި މަސްއޫލިއްޔަތު އަދާކުރުމުން އޭޝިއާ ރިސޯޓްސް ބަރީޢަ ނުކުރެވޭނެކަން؛

6.4- އޭޝިއާ ރިސޯޓްސް އުވާލިކަމަށް ރަޖިސްޓްރާ އޮފް ކޮމްޕެނީޒް ކަނޑައަޅާ އެމައްޗަށް ޤަރާރެއް ނުނަގާހާ ހިނދަކު ވަގުތުގެ ގޮތުން އޭޝިއާ ރިސޯޓްސްއަކީ އުވާލެވިފައިވާ ކުންފުންޏެއް ކަމުގައި ބެލެވެން ނެތްކަން؛

6.5- މި ދަޢުވާއަކީ ކުންފުނި އުވާލުމާބެހޭގޮތުން ރަޖިސްޓްރާރ އޮފް ކޮންޕެނީޒްއިން ޢަމަލުކުރި ގޮތެއް ކަނޑައެޅުމުގެ މައުޟޫޢުގައި ބެލެވުނު މައްސަލައަކަށްނުވާތީ، މި މައުޟޫޢުގައި ޝަރީޢަތުން ގޮތެއް ކަނޑައަޅަން ނުޖެހޭކަން؛

6.6- އޭޝީއާ ރިސޯޓްސް އިން މީރާއަށް ފައިސާ ދައްކަން ޖެހޭކަން ސާބިތުކުރުމަށް ހުށަހެޅި ކޮމިޝަނަރް އޮފް ޓެކްސްޓޭޝަން ސޮއިކޮށްފައިވާ ލިޔުމަކީ އެ ފައިސާ އޭޝިއާ ރިސޯޓްސް އިން ދައްކަންޖެހޭކަން ސާބިތުކުރުމަށް ހެއްކެއްގެ ގޮތުގައި ޝަރީޢަތުން ބުރަވާންޖެހޭ ލިޔުމެއްކަން ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ5 49 ވަނަ މާއްދާގެ (ހ) އިން އެނގޭކަން.

އޭޝިއާ ރިސޯޓްސްގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފު އަދި ހައިކޯޓުން ނިންމި ގޮތް

7. ސިވިލް ކޯޓުގެ ނަންބަރު 1215/Cv-C/2017 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އޭޝިއާ ރިސޯޓްސް އިން ހައިކޯޓަށް 05 (ފަހެއް) ނުކުތާ ހުށަހަޅާފައި ވީނަމަވެސް، އެ ނުކުތާތަކުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ ފުރަތަމަ އިސްތިއުނާފީ ނުކުތާގައި ފާހަގަކުރާ ނުކުތާކަން އޭޝިއާ ރިސޯޓްސްގެ ބަހުން އެނގެން އޮންނަ ކަމަށް ހައިކޯޓުގެ "ޝަރީޢަތް ނިމުނުގޮތް" ގެ 30 ވަނަ ޕެރެގްރާފް ގައި ބަޔާންކޮށްފައި ވެއެވެ.

8. އޭޝިއާ ރިސޯޓްސްގެ ފަރާތުން ހައިކޯޓަށް ހުށަހެޅި ފުރަތަމަ އިސްތިއުނާފީ ނުކުތާއަކީ ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ6 93 ވަނަ މާއްދާގެ (ހ) ގައި ވާގޮތުގެ މަތިން އޭޝިއާ ރިސޯޓްސް އުވާލުމުގެ މަސައްކަތް ކުރުމަށް، ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ޤާނޫނުގެ 76 ވަނަ މާއްދާގެ ދަށުން ލިކްއިޑޭޓަރަކު އައްޔަންކުރުމުން، ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ޤާނޫނުގެ 92 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެ މާއްދާގައި ބުނެފައިވާ ކަންތައްތައް ފުރިހަމަ ކުރުމަށްފަހު، އޭޝިއާ ރިސޯޓްސް އުވާލުމަށް ރަޖިސްޓްރާރ އޮފް ކޮމްޕެނީޒަށް ހުށަހަޅާފައި ވަނިކޮށް، އަދި ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 93 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ކުންފުނި އުވާލުމަށް ލިކުއިޑޭޓަރު ރެޖިސްޓްރާރ އޮފް ކޮމްޕެނީޒްއަށް ހުށަހަޅާ ތާރީޚުން ފެށިގެން 14 (ސާދަ) ދުވަހުގެ ތެރޭގައި ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް އެ ކުންފުންޏެއް އުވާލަންވާނެ ކަމަށް ބަޔާންކޮށްފައިވަނިކޮށް، އޭގެ އަހަރުތަކެއްގެ ފަހުން އެ ކުންފުނީގެ މައްޗަށް ހުށަހެޅުނު މައްސަލައަކުން7 އޭޝިއާ ރިސޯޓްސްގެ މައްޗަށް އިތުރު ދަރަންޏެއް ސާބިތުކޮށްފައިވަނީ ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 93 ވަނަ މާއްދާގެ (ހ) ގެ ޞަރީޙަ ނައްސާއި މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ8 37 ވަނަ މައްދާގެ (ހ) އާ ޚިލާފަށް ކަމަށްބުނެ ބުނެ ހުށަހެޅި ނުކުތާއެވެ.

9. އޭޝިއާ ރިސޯޓްސްގެ ފަރާތުން ހައިކޯޓުގައި އެދިފައިވަނީ އޭޝިއާ ރިސޯޓްސް އަކީ ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 93 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް މިހާރު އުވިފައިވާ ކުންފުންޏެއްކަމަށް ކަނޑައަޅައިދިނުމަށެވެ.

10. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/297 ޤަޟިއްޔާގެ "ޝަރީޢަތް ނިމުނުގޮތް" އަށް ބަލާއިރު ހައިކޯޓުގެ ފަނޑިޔާރުންގެ ދެ ރައުޔެއްވެއެވެ. ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ޙަސަން ޝަފީޢު ދެއްވީ ތަފާތު ރައުޔެކެވެ. ފަނޑިޔާރު ޙުސައިން ޝަހީދު ދެއްވި ރައުޔަށް ފަނޑިޔާރު މުޙައްމަދު ފައިސަލް ތާއީދު ކުރައްވާފައިވެއެވެ. ފަނޑިޔާރު ޙަސަން ޝަފީޢު ދެއްވި ރައުޔުގެ 1 ވަނަ ނުކުތާއިން ފެށިގެން 33 ވަނަ ނުކުތާއާދެމެދު ފާހަގަކުރައްވާފައިވާ ކަންކަމަށް ފަނޑިޔާރު ޙުސައިން ޝަހީދު އަދި ފަނޑިޔާރު މުޙައްމަދު ފައިޞަލް ތާއީދުކުރައްވާކަމަށް ބަޔާންކުރައްވާފައިވެއެވެ.

11. ހައިކޯޓުގެ އަޢުލަބިއްޔަތު ރައުޔުގައި ވަނީ އޭޝިއާ ރިސޯޓްސްގެ ޤާނޫނީ ހައިސިއްޔަތާމެދު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ކުރިއައްދާ އެ ކޯޓުގެ ނަންބަރު 2021/SC-A/100 ޤަޟިއްޔާ9ގައި ފައިޞަލާކުރަނިވި ޙުކުމެއް ކުރުމުގެ ކުރިން، އޭޝިއާ ރިސޯޓްސްގެ މައްޗަށް އެއްވެސް ޤާނޫނީ އިލްތިޒާމްތަކެއް މިހިނދުގައި މަތިކުރުމަކީ، ހައިކޯޓުގެ ނަންބަރު 2019/HC-A/145 ޤަޟިއްޔާގައި ފާހަގަކޮށްފައިވާ ފަދައިން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-J/05 އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ސުޕްރީމް ކޯޓުގައި ހިނގަމުންދާ މައްސަލަ ނިމުމުގެ ކުރިން އެކޯޓުގެ ނިންމުމަށް އަސަރުކުރާނެ ކަމެއްކަމުގައެވެ. އަދި ސިވިލް ކޯޓުގެ ނަންބަރު 1215/Cv-C/2017 ޤަޟިއްޔާގައި އެ ކޯޓުން ކޮށްފައިވާ ޙުކުމް ބާޠިލް ކުރަންޖެހޭކަމަށެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ކުރެވުނު އިސްތިއުނާފު

12. ހައިކޯޓުގެ ނަންބަރު 2018/HC-A/297 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ ދައުލަތުގެ ފަރާތުން އިސްތިއުނާފީ 3 ނުކުތާ ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ.

12.1- ފުރަތަމަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-J/05 އަމުރު ދިވެހިރާއްޖޭގެ ހައި ކޯޓުގެ ނަންބަރު 2018/HC-A/297 ޤަޟިއްޔާގައި މާނަކޮށް ތަޠުބީޤުކުރައްވައި، ސިވިލް ކޯޓުގެ ޙުކުމް ބާޠިލުކުރައްވާފައިވަނީ އެ އަމުރުގައި ކަނޑައަޅާވާފައިވާ އުޞޫލުތަކާ ޚިލާފަށް، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ10 39 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ، ކުންފުންޏެއް އުވާނުލާހާ ހިނދަކު ކުންފުންޏެއް ދެމި އޮންނާނެކަމަށް ބަޔާންކޮށްފައިވާ އުޞޫލާ ޚިލާފަށް އަދި ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ އެންމެހައި އުޞޫލުތަކަށް ރިޢާޔަތްނުކޮށް ކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.

12.2- ދެވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/297 ޤަޟިއްޔާއިން ބެލުނު މައްސަލާގައި އިސްތިއުނާފު ރައްދުވާ ފަރާތުންނާއި އިސްތިއުނާފުކުރާ ފަރާތުންވެސް އެދިފައިވާ ފަރުވާއާ ޚިލާފަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-J/05 އަމުރަށް ޙަވާލާދީ، ދިވެހިރާއްޖޭގެ ހައި ކޯޓުން ދަށު ކޯޓުގެ ޙުކުމް ބާޠިލުކޮށްފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ޝަމްޢީލް ރަޝީދު ޤަޟިއްޔާގައި5F5F5F11 ކޯޓަށް ހުށަހެޅިފައިވާ ޚުޞޫމަތަކާ ގުޅިގެން ކޯޓުން ފައިޞަލާކުރަންވާނީ ޚަޞްމުންގެ ފަރާތުން ހުށަހަޅާފައިވާ ވަޤާއިޢުތަކުގެ މައްޗަށް ބިނާކޮށް ފައިޞަލާކުރުމަށް އެދިފައިވާ ކަންތައްތައްކަމާއި، ޚަޞްމުންގެ ފަރާތުން ފައިޞަލާކުރަން އެދިފައިނުވާ، އަދި ކޯޓަށް ހުށަހެޅި ބަލާފައިނުވާ ވަޤާއިޢުތަކަށް ފައިޞަލާ ކޮށްގެން ނުވާނެކަމަށް ކަނޑައަޅުއްވާފައިވާ އުޞޫލާއި، އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޢަބްދުލްމުޖީބު މުޙައްމަދު ވ. ޖޯން ޗަރލްސް ސީފަރޓް ޤަޟިއްޔާގައި6F6F6F12 ކަނޑައަޅުއްވާފައިވާ އިސްތިއުނާފީ ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭނީ ކޯޓުގެ ކުރިމައްޗަށް ހުށަހެޅޭ އިސްތިއުނާފީ ނުކުތާގެ މައްޗަށް ކަމަށް ބަޔާންކޮށްފައިވާ އުޞޫލުތަކާ ޚިލާފަށް ކަމުގައިވުން ކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.

12.3- ތިންވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ހައި ކޯޓުން ދަށު ކޯޓުގެ ޙުކުމް ބާޠިލުކޮށްފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-J/05 އަމުރާ ޙަވާލާދީކަމުގައިވާއިރު، ދިވެހިރާއްޖޭގެ ހައި ކޯޓުގެ ޙުކުމުގައި ޙަވާލާދީފައިވާ އަމުރާ ގުޅިގެން ދައުލަތަށް ޖަވާބުދާރީވުމުގެ ފުރުޞަތު ދިނުމަކާ ނުލައި މައްސަލަ ނިންމާފައިވަނީ ޝަރީޢަތްކުރުމާބެހޭ ޤާނޫނީ މަބްދަޢެއް ކަމުގައިވާ Audi alteram partem އަދި، right to a fair trial ގެ އުޞޫލާ ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ކުރި އިސްތިއުނާފުގެ ޖަވާބު

13. ދައުލަތުން ހުށަހެޅި އިސްތިއުނާފީ ދެވަނަ ނުކުތާ އަދި ތިން ވަނަ ނުކުތާ ގެ ޖަވާބުގައި އޭޝިއާ ރިސޯޓްސްގެ ފަރާތުން ބުނަނީ ހައިކޯޓުން މައްސަލަ ނިންމެވީ ހުށަހެޅި އިސްތިއުނާފީ ނުކުތާގެ މައްޗަށް ބައްލަވައި ނުވަތަ ޚަސްމުން ދެއްކި ވާހަކަތަށް ބައްލަވައި ނުވަތަ އޭޝިއާ ރިސޯޓްސް އިން ހޯދަމަށް ހުށަހެޅި ފަރުވާގެ މައްޗަށް ބައްލަވައިގެން ނޫންކަމަށެވެ. އަދި ފަނޑިޔާރުން ނިންމެވި ކަނކަންކަމާ ގުޅޭގޮތުން ޚަސްމުންނަށް ވާހަކަ ދެއްކުމުގެ ފުރުސަތު ދެއްވާފަނުވާ ކަމަށެވެ. މި ދެ ނުކުތާއަކީ އުޞޫލެއްގެ ގޮތުން އޭޝިއާ ރިސޯޓްސްގެ ފަރާތުން އިންކާރު ކުރާ ނުވަތަ ކޮންޓެސްޓް ކުރާ ދެ ނުކުތާއެއް ނޫންކަމަށެވެ. މި މައްސަލައިގައި އޭޝިއާ ރިސޯޓްސްގެ ފަރާތުން އެދުނީ ވަކި ގޮތަކަށް ކަމަށާއި ދައުލަތުންވެސް އެދުނީ ވަކި ގޮތަކަށް ކަމަށެވެ. ނަމަވެސް ހައިކޯޓުން މައްސަލަ ނިންމެވީ އެއިން އެއްވެސް ހުށަހެޅުމަކާ ގުޅޭ ގޮތަކަށް ނޫންކަމަށެވެ.

14. ދައުލަތުން ދެއްކި ވާހަކަތަކާ ހޯދަން އެދުނު ފައިސާއާ ގުޅޭގޮތުން ގުޅިގެން އޭޝިއާ ރިސޯޓްސްގެ ފަރާތުން ބުނަނީ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ13 37 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ، ޤާނޫނެއްގައި ވަކި ގޮތަކަށް ޢަމަލު ކުރަން ޖެހޭނެކަމަށް ކަނޑައެޅިގެން ބަޔާންކޮށްފައި ވާނަމަ އެއީ އެ ޤާނޫނު އުފައްދާ ބަރީޢަވުމެއްނެތް ވާޖިބެއް ނުވަތަ އިލްތިޒާމެއް ކަމުގަ ބަލަން ވާނެކަމަށާއި އެހެންވީމަ އެ ޤާނޫނުގައި ވާގޮތުން ލިކުއިޑޭޝަން ޕްރޮސެސް ނިންމުމަށްފަހު ޑޮކިޔުމެންޓުތައް ހުށަހަޅާ ދުވަހުން 14 (ސާދަ) ދުވަހުގެ ތެރޭގައި ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް އެ ކުންފުނި އުވާލަން ވާނެކަމަށެވެ. އަދި އޭޝިއާ ރިސޯޓްސްއަކީ މިހާރު އުވިފައި އޮންނަންވާނެ ކުންފުންޏެއްކަމަށެވެ.

ޝަރީޢަތުން ގޮތް ކަނޑައެޅުން

15. ޝަރީޢަތަށް ހުށަހެޅޭ މައްސަލަތަކުގައި ޝަރީޢަތުން ގޮތް ކަނޑައަޅަންޖެހޭނީ ހުށަހެޅުނު ދަޢުވާއަށާއި އެ ދަޢުވާގެ ޖަވާބުގެ މައްޗަށް ފައިޞަލާކޮށެވެ.14 ދަޢުވާއަށާއި ދަޢުވާގެ ޖަވާބަށް ފަނޑިޔާރު ފައިޞަލާކުރާއިރު، ހުށަހެޅޭ ލިޔެކިޔުންތަކަށް ރިޢާޔަތްކުރަންވާނެއެވެ. އަދި ޚަޞްމުންގެ ފަރާތުން ފައިޞަލާކުރަން އެދިފައިނުވާ، އަދި ކޯޓަށް ހުށަހެޅި ބަލާފައިނުވާ ވަޤާއިޢުތަކަށް ފައިޞަލާ ކޮށްގެން ނުވާނެއެވެ. އިސްތިއުނާފީ މަރުޙަލާގައި އިސްތިއުނާފީ ކޯޓުން ގޮތް ކަނޑައަޅަންޖެހޭނީ އިސްތިއުނާފު ކުރި ނުކުތާތަކަށާއި އިސްތިއުނާފު ކުރި ނުކުތާތަކުގެ ޖަވާބުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ދިން ޖަވާބުގެ މައްޗަށް ބެލުމާއެކު ފުރަތަމަ މަރުޙަލާގެ ކޯޓުގެ ނިންމުމަށް ރިޢާޔަތްކޮށެވެ.

16. ސިވިލް ކޯޓުގެ ނަންބަރު 1215/Cv-C/2017 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓަށާއި ހައިކޯޓުގެ ނަންބަރު 2018/HC-A/297 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓަށާއި ދައުލަތުން ސުޕްރީމް ކޯޓުގައި ކުރި އިސްތިއުނާފަށާއި އޭޝިއާ ރިސޯޓްސްގެ ފަރާތުން ސުޕްރީމް ކޯޓުގައި ދިން ޖަވާބަށް ބަލާއިރު، މި މައްސަލައިގައި ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހެނީ ދައުލަތުން ޝަރީޢަތް މެދުވެރިކޮށް ހޯދުމަށް ދަޢުވާކުރި ފައިސާ އަކީ ޝަރީޢަތް މެދުވެރިކޮށް ނަގައިދެވިދާނެ ފައިސާއެއްތޯ ނުވަތަ ނޫންތޯއެވެ.

17. ދައުލަތުންވެސް އަދި އޭޝިއާ ރިސޯޓްސްއިންވެސް ބުނަނީ ހައިކޯޓުން މައްސަލަ ނިންމަވާފައިވަނީ ހުށަހެޅި އިސްއުނާފީ ނުކުތާގެ މައްޗަށް ނުވަތަ އިސްތިއުނާފުގެ ޖަވާބުގައި ދެއްކި ވާހަކަތަކުގެ މައްޗަށް ނުވަތަ ޝަރީޢަތް މެދުވެރިކޮށް ހޯދުމަށް އެދުނު ފަރުވާގެ މައްޗަށް ނޫންކަމަށެވެ.

18. ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު15ގައި ހައިކޯޓުގައި މައްސަލަތައް ބަލާނެގޮތް ބަޔާންކޮށްފައިވެއެވެ. މިބުނި ޤާނޫނުގެ 32 ވަނަ މާއްދާ ބަޔާންކުރަނީ، ހައިކޯޓުން މައްސަލަތައް ބަލާނީ ދަށު ކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެންނެވެ.16 އަދި ހައިކޯޓުގައި އިސްތިއުނާފުކުރެވޭ މައްސަލަ ބަލާ ފަނޑިޔާރުންނަށް، އެ މައްސަލަ ދަށު ކޯޓުގައި ބެލިއިރު، ނުބެލި ހުރި ކަންތައްތަކެއް ހުރިކަން ފާހަގަކުރެވިގެން އެ މައްސަލަ އަލުން ބެލުމުގެ މަސްލަހަތު ބޮޑުކަމަށް ފެނިއްޖެނަމަ، ދަށު ކޯޓުގައި އެ މައްސަލަ އަލުން ބަލަންޖެހޭ ޤާނޫނީ އުޞޫލުތައް ކަނޑައަޅައި، އެ މައްސަލަ ބެލުމަށްޓަކައި، އެ މައްސަލަ ބެލި ދަށު ކޯޓަށް ފޮނުވިދާނެއެވެ.17

19. މި މައްސަލައިގައި ހައިކޯޓުން ގޮތް ކަނޑައަޅާފައިވަނީ ހައިކޯޓަށް ހުށަހެޅުނު އިސްތިއުނާފު ނުކުތާތަކާއި އެ ނުކުތާތަކުގެ ރައްދުގައި ދެކެވުނު ވާހަކަތަކުގެ މައްޗަށް ބިނާކޮށްގެން ނޫންކަން އަދި ސިވިލް ކޯޓުގައި އެދުނު ފަރުވާއަކަށްވެސް ނޫންކަން އެނގެއެވެ.

20. ސުޕްރީމް ކޯޓަށް ހުށަހެޅޭ މައްސަލަތައް މައުޟޫޢީގޮތުން ބެލުމުގައި ޢަމަލުކުރާނެ ގޮތްތައް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ18 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. މިބުނި މާއްދާގެ (ށ) ގައި ބަޔާންކުރަނީ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދަ މައްސަލައަކީ ހައިކޯޓަށް އަލުން ފޮނުވައި، މައްސަލައިގައި ކަންހިނގާފައިވާ ގޮތް އަލުން ބަލަންޖެހޭ ގޮތަކަށް އޮތް މައްސަލައެއްނަމަ އެ މައްސަލަ އަލުން ބެލުމަށް ހައިކޯޓަށް ތަހުވީލުކުރާނީ ކަމަށެވެ.

21. ހައިކޯޓުގައި އިސްތިއުނާފަށް ހުށަހެޅި ނުކުތާތަކާއި އެ ނުކުތާތަކުގެ ރައްދުގައި އެ މައްސަލަ ރައްދުވި ފަރާތުން ދެއްކި ވާހަކަތަކާމެދު ހައިކޯޓުން ގޮތެއް ކަނޑައެޅުމަކާނުލައި، ސުޕްރީމް ކޯޓުގެ މި މައްސަލައިގެ ތެރެއިން ސިވިލް ކޯޓުގައި ދައުލަތުން ދަޢުވާކުރި ފައިސާ ނަގައިދެވިދާނެކަން ނުވަތަ ނޫންކަމާމެދު ގޮތެއް ކަނޑައެޅުން ރަނގަޅު ކަމަކަށް އަހުރެން ނުދެކެމެވެ.

22. އެހެންކަމުން، މި މައްސަލައިގައި އޭޝިއާ ރިސޯޓްސްގެ ފަރާތުން ހައިކޯޓަށް އިސްތިއުނާފަށް ހުށަހެޅި ނުކުތާތަކާއި އެ ނުކުތާތަކުގެ ރައްދުގައި ދައުލަތުން ދެއްކި ވާހަކަތަކާއި ސިވިލް ކޯޓުގެ ނިންމުމަށާއި ސިވިލް ކޯޓަށް ހުށަހެޅުނު ދަޢުވާގެ މައްޗަށް ބިނާކޮށް މައްސަލައިގެ މައުޟޫޢުގައި ހައިކޯޓުން ގޮތެއް ކަނޑައެޅުމަށްޓަކައި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ19 18 ވަނަ މާއްދާގެ (ށ) ގެ ދަށުން މި މައްސަލަ ހައިކޯޓަށް ތަޙުވީލު ކުރުމަށް އަހުރެންނަށް ފެނެއެވެ.

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު

23. މި މައްސަލައިގައި އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

24. މީގެ އިތުރުން، އަންނިވި ނުކުތާ ފާހަގަކުރުން މުހިންމު ކަމުގައި އަހުރެން ދެކެމެވެ.

25. އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް އަދުނާނުގެ ރައުޔުގައި20 ފާހަގަކުރައްވާފައިވާ ފަދައިން ހައިކޯޓުގެ ނަންބަރު 2018/HC-A/297 ޤަޟިއްޔާއިން އެ ކޯޓަށް އިސްތިއުނާފު ކުރެވުނު މައްސަލައިގެ މައުލޫއަށް ގޮތް ކަނޑައަޅާފައި ނުވަނީ ސުޕްރީމް ކޯޓުގެ އޭއައިއެސް އެލްއެލްޕީ ވ. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް (ދައުލަތް) [2023] SC 1721 މައްސަލައިގެ ޝަރީޢަތް އެއިރު ކުރިއަށްދާތީ ކަމުގައި ފާހަގަކޮށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-J/05 އަމުރަށް ހަވާލާދީ، ހައިކޯޓުގެ ނަންބަރު 2019/HC-A/145 ޤަޟިއްޔާގައިވެސް ބުނެވުނު ސުޕްރީމް ކޯޓުގެ އަމުރަށް ހަވާލާދީފައިވާކަން ބަޔާންކުރުމަށް ފަހުގައެވެ.

26. ހައިކޯޓުގެ ނަންބަރު 2019/HC-A/145 ޤަޟިއްޔާއާއި، އެ ޤަޟިއްޔާ އިސްތިއުނާފުކުރުމުން ސުޕްރީމް ކޯޓުގައި ހިންގުނު އޭއައިއެސް އެލްއެލްޕީ ވ. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް (ދައުލަތް) [2023] SC 17 އަކީ އޭއައިއެސްގެ ފަރާތުން ކުންފުންޏާބެހޭ ޤާނޫނަށް ހަވާލާދީ، އެ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އޭޝިޔާ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް އުވާނުލިކަމުގައި ބުނެ ދައުލަތުގެ މައްޗަށް ހުށަހަޅާފައިވާ މައްސަލައެކެވެ. ހަވާލާދިނުމުގެ ފަސޭހައަކަށްޓަކައި މި މައުލޫއުގައި ހިންގުނު މައްސަލަތަކަށް "ކުންފުނި އުވާލުމާ ގުޅޭގޮތުން ހުށަހެޅި މައްސަލަ" ގެ ގޮތުގައި ހަވާލާދޭނަމެވެ.

27. ހައިކޯޓުގެ ނަންބަރު 2018/HC-A/297 ޤަޟިއްޔާއާއި، އެ ޤަޟިއްޔާ އިސްތިއުނާފުކުރުމުން ސުޕްރީމް ކޯޓުގައި ހިންގާ މި ޤަަޟިއްޔާއަކީ އޭޝިޔާ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ހޯދުމަށް އެދި މީރާގެ ފަރާތުން އޭޝިޔާ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ދަޢުވާކުރުމުން ބެލުނު މައްސަލަތަކެކެވެ. ހަވާލާދިނުމުގެ ފަސޭހައަކަށްޓަކައި މި މައުލޫއުގައި ހިންގުނު މައްސަލަތަކަށް "ފައިސާ ހޯދުމާ ގުޅޭގޮތުން ހުށަހެޅި މައްސަލަ" ގެ ގޮތުގައި ހަވާލާދޭނަމެވެ.

28. ބުނެވުނު ފައިސާ ހޯދުމާ ގުޅޭގޮތުން ހުށަހެޅި މައްސަލައިގައި އޭޝިޔާ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހަޅާފައިވާ މައިގަނޑު ބަހުސަކީ އޭޝިޔާ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް ވުޖޫދުގައި ނުވާކަމާމެދު ކުންފުނި އުވާލުމާ ގުޅޭގޮތުން ހުށަހެޅި މައްސަލައިގައިވެސް ހުށަހަޅާފައިވާ ޤާނޫނީ ނުކުތާތަކެވެ.22

29. ކުންފުނި އުވާލުމާ ގުޅޭގޮތުން ހުށަހެޅި މައްސަލަ އާއި ފައިސާ ހޯދުމާ ގުޅޭގޮތުން ހުށަހެޅި މައްސަލައިގެ ތެރެއިން ހައިކޯޓުން ފުރަތަމަ ގޮތެއް ކަނޑައަޅާފައިވަނީ ކުންފުނި އުވާލުމާ ގުޅޭގޮތުން ހުށަހެޅި މައްސަލައަށެވެ.23 އެ މައްސަލައިގައި ގޮތް ކަނޑައަޅާފައިވަނީ ފައިސާ ހޯދުމާ ގުޅޭގޮތުން ހުށަހެޅި މައްސަލައިގެ ޙުކުމް އެއިރުކޮށްފައިނުވާތީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު

2012/SC-J/05 އަމުރަށް ހަވާލާދީ، ފައިސާ ހޯދުމާ ގުޅޭގޮތުން ހުށަހެޅި މައްސަލަ ނިމުމުގެ ކުރިން ކުންފުނި އުވާލުމާ ގުޅޭގޮތުން ހުށަހެޅި މައްސަލައާމެދު ގޮތެއް ކަނޑަނުއެޅޭނެ ކަމުގައި ބުނެ، މައްސަލައިގެ މައުލޫއާމެދު ގޮތެއް ނުނިންމައެވެ.

30. އެހެންކަމުން، ފައިސާ ހޯދުމާ ގުޅޭގޮތުން ހުށަހެޅި މައްސަލައިގައިވެސް ހައިކޯޓުން މައުލޫއާމެދު ގޮތެއް ކަނޑައެޅުމެއް ނެތި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-J/05 އަމުރަށް ހަވާލާދީ، ކުންފުނި އުވާލުމާ ގުޅޭގޮތުން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ނިމުމުގެ ކުރިން ފައިސާ ހޯދުމާ ގުޅޭގޮތުން ހުށަހެޅި މައްސަލައިގައި ގޮތެއް ކަނޑަނުއެޅޭނެ ކަމަށް ބަޔާންކުރުމަކީ ދެކޮޅުޖެހޭ ގޮތެއް ނޫނެވެ. އެއީ އެފަދައިން ނިންމުމުގައި ކަންހިނގާފައިވާ ގޮތަށާއި އެފަދައިން ނިންމުމުގެ ނަތީޖާއަށް އެކަށީގެންވާ މިންވަރަކަށް ނުބެލިވުމުގެ ސަބަބުން ނިންމާފައިވާ ގޮތެއްކަމުގައި ފެނެއެވެ. އެހެނީ މި ދެ މައްސަލައިގެ ފަސްފަހަތަށްދާއިރު، ފައިސާ ހޯދުމާ ގުޅޭގޮތުން ހުށަހެޅި މައްސަލައާ ގުޅިގެން އެފައިސާ ހޯދުމަށް މީރާއިން މުއާމަލާތްކޮށްފައިވާ ދުވަހާއި،24 ސިވިލް ކޯޓަށް ފައިސާ ހޯދުމާ ގުޅޭގޮތުން ހުށަހެޅި މައްސަލަ (ސިވިލް ކޯޓުގެ ނަންބަރު 1215/Cv-C/2017 ޤަޟިއްޔާ) ހުށަހެޅި ދުވަހާއި،25 އޭޝިޔާ ރިސޯޓްސް އުވާލަން ހުށަހެޅިކަމަށް އެފަރާތުން ބުނާ ދުވަހާއި،26 ކުންފުނި އުވާލުމާ ގުޅޭގޮތުން ހުށަހެޅި މައްސަލަ (ސިވިލް ކޯޓުގެ ނަންބަރު 3002/Cv-C/2017 ޤަޟިއްޔާ) ސިވިލް ކޯޓަށް ހުށަހެޅި ދުވަހާއި،27 ހައިކޯޓުން ކުންފުނި އުވާލުމާ ގުޅޭގޮތުން ހުށަހެޅި މައްސަލަ (ހައިކޯޓުގެ ނަންބަރު 2019/HC-A/145 ޤަޟިއްޔާ) ނިންމާފައިވާ ގޮތާއި އެ މައްސަލަ ނިންމި ތާރީޚަށް ރިޢާޔަތްކުރުމުން، ފައިސާ ހޯދުމާ ގުޅޭގޮތުން ހުށަހެޅި މައްސަލައާއި ކުންފުނި އުވާލުމާ ގުޅޭގޮތުން ހުށަހެޅި މައްސަލައާމެދު ގުޅުމެއްވާ ކަމުގައިބުނެ، ފައިސާ ހޯދުމާ ގުޅޭގޮތުން ހުށަހެޅި މައްސަލައިގެ މައުލޫއަށް ގޮތް ކަނޑަނުއެޅުމަކީ އެއްވެސް މިންގަނޑަކުން ވަށާޖެހޭގޮތެއް ކަމުގައި އަހުރެންނަށް ނުފެނެއެވެ.

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު

31. މި މައްސަލައިގައި އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެމަތިން ހުރުމުން، ހައިކޯޓުގެ ނަންބަރު

2018/HC-A/297 ޤަޟިއްޔާގެ ޙުކުމް ބާޠިލްކޮށް، މި މައްސަލައިގައި އެ ކޯޓަށް އޭޝިޔާ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް އިން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކަށާއި އެ އިސްތިއުނާފީ ނުކުތާތަކުގެ ޖަވާބުގައި ދައުލަތުން ހުށަހެޅި ހުށަހެޅުންތަކުގެ މައްޗަށް ރިޢާޔަތްކޮށް ހައިކޯޓުން މި މައްސަލަ މައުޟޫޢީ ގޮތުން އަލުން ބަލައި ގޮތެއް ކަނޑައެޅުމަށްޓަކައި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 18 ވަނަ މާއްދާގެ (ށ) ގެ ދަށުން މި މައްސަލަ ހައިކޯޓަށް ތަޙުވީލު ކުރުމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައިފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ: ޢާއިޝާ ޝުޖޫން މުޙައްމަދު އަޙްމަދު މުޢުތަޞިމް ޢަދުނާން މުޙައްމަދު އިބްރާހީމް (ރިޔާސަތު)

1 ރަޖިސްޓަރީ ނަންބަރު C-261/2004

2 ޓޫރިސްޓް ރިޒޯޓެއްގެ ގޮތުގައި ތ. ކަޅުފަހަލަފުށި ތަރައްޤީކޮށް ހިންގުމަށް މިނިސްޓްރީ އޮފް ޓޫރިޒަމާއި ހ. މިލެނިއާ، ޝަބީރު އަޙްމަދުއާ ދެމެދު 35 އަހަރު ދުވަހުގެ މުއްދަތަށް ކުރެވުނު ލީސް އެގްރީމަންޓްގެ ދަށުން ޝަބީރު އަޙްމަދަށް ލިބިފައިވާ އެންމެހައި ޙައްޤުތަކާއި ޒިންމާތަށް ޑީޑް އޮފް އެސައިންމަންޓެއްގެ ދަށުން އޭޝިއާ ރިސޯޓްސްއަށް 07 މާރިޗު 2010 ގައި ވަނީ ބަދަލުކުރެވިފައެވެ.

3 މިސިޓީ ސިވިލް ކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ހިމަނާފައިވެއެވެ. ސިވިލް ކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ

1215-Cv-C-2017 (B4-CR-1) D page 42

4 ޤާނޫނު ނަންބަރު 96/10

5 ޤާނޫނު ނަންބަރު 2010/3

6 ޤާނޫނު ނަންބަރު 96/10

7 އޭޝިޔާ ރިސޯޓްސްއިން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުގެ ނަންބަރު 1215/Cv-C/2017 ޤަޟިއްޔާއިން ބެލުނު މި މައްސަލަ.

8 ޤާނޫނު ނަންބަރު 2011/4

9 އޭއައިއެސް އެލްއެލްޕީ ވ. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް (ދައުލަތް). މިޤަޟިއްޔާއަކި އޭއައިއެސް އެލްއެލްޕީ ގެ ފަރާތުން (އޭއައިއެސް އެލްއެލްޕީ އަކީ އޭޝިއާ ރިސޯޓްސްގެ ލިކުއިޑޭޓަރު) މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް (ދައުލަތް) ގެ މައްޗަށް ސިވިލް ކޯޓުގައި ކުރި ދަޢުވާއެކެވެ. މި މައްސަލަ ސުޕްރީމް ކޯޓުން ވަނީ ބަލާ ނިމިފައެވެ.

10 ޤާނޫނު ނަންބަރު 2011/4

11 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/44 ޤަޟިއްޔާ.

12 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/42 ޤަޟިއްޔާ.

13 ޤާނޫނު ނަންބަރު 2011/4

9. 14 މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ޝަމްޢީލް ރަޝީދު 2013/SC-A/44) ) ޤަޟިއްޔާގައި14 ބަޔާންކޮށްފައިވަނީ، ކޯޓަށް ހުށަހެޅިފައިވާ ޚުޞޫމަތަކާ ގުޅިގެން ފުރަތަމަ މަރުޙަލާގެ ކޯޓުން ފައިޞަލާކުރަންވާނީ ޚަޞްމުންގެ ފަރާތުން ހުށަހަޅާފައިވާ ވަޤާއިޢުތަކުގެ މައްޗަށް ބިނާކޮށް ފައިޞަލާކުރުމަށް އެދިފައިވާ ކަންތައްތަކުގެ މައްޗަށް ކަމަށެވެ.

15 ޤާނޫނު ނަންބަރު 2010/22

16 އބމ މ32 (ހ)

17 އބމ މ32 (ނ)

18 ޤާނޫނު ނަންބަރު 2010/22

19 ޤާނޫނު ނަންބަރު 2010/22

20 އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް އަދުނާނުގެ ރައުޔުގެ 10 ވަނަ ޕެރެގްރާފް

21 ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/100 ޤަޟިއްޔާ.

22 އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް އަދުނާނުގެ ރައުޔުގެ 7 އަދި 13 ވަނަ ޕެރެގްރާފްގައި ޚުލާސާކޮށްފައިވާ.

23 ހައިކޯޓުގެ ނަންބަރު 2019/HC-A/145 ޤަޟިއްޔާ (ކުންފުނި އުވާލުމާ ގުޅޭގޮތުން ހުށަހެޅި މައްސަލަ) ގެ ހުކުމްކޮށްފައިވަނީ 30 މެއި 2021 ގައެވެ. ހައިކޯޓުގެ ނަންބަރު 2018/HC-A/297 ޤަޟިއްޔާ (ފައިސާ ހޯދުމާ ގުޅޭގޮތުން ހުށަހެޅި މައްސަލަ) ގެ ހުކުމްކޮށްފައިވަނީ 10 މާރޗް 2022 ގައެވެ.

24 ސިވިލް ކޯޓުގެ ނަންބަރު 1215/Cv-C/2017 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި (ސަފުހާ 113 އަދި 114 ގައި) ހިމަނާފައިވާ މީރާގެ 1000377/DUN1-RNT/ECS/2015/02 (26 ފެބްރުއަރީ 2015) ސިޓީއާއި 1000377/DUN2-RNT/ECS/2015/04 (29 މާރޗް 2015) ސިޓީއިން އެ ތާރީޚްތަކުގައި އޭޝިޔާ ރިސޯޓްސްއަށް ފައިސާދެއްކުމަށް އަންގާފައިވާކަން އެނގެން އޮވެއެވެ.

25 ސިވިލް ކޯޓުގެ ނަންބަރު 1215/Cv-C/2017 ޤަޟިއްޔާ އެކޯޓަށް ހުށަހަޅާފައިވަނީ 11 އޭޕްރީލް 2017 ގައިކަމާއި، އެ މައްސަލަ އެ ކޯޓުގައި ރަޖިސްޓަރީކޮށްފައިވަނީ 19 އޭޕްރީލް 2017 ގައިކަން އެ މައްސަލައިގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމަނާފައިވާ ދަޢުވާ ފޯމު (ރިޕޯޓުގެ ސަފުހާ 63) އިން އެނގެއެވެ.

26 އޭއައިއެސްގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 1215/Cv-C/2017 ޤަޟިއްޔާގައި ހުށަހަޅާފައިވާ ފުރަތަމަ ބަޔާން (ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ސަފުހާ 80 އިން 83 ގައި) ގައިވާ ގޮތުން، އޭސިޔާ ރިސޯޓްސް އުވާލުމަށްޓަކައި ލިކުއިޑޭޓަރުގެ ފަރާތުން ރެޖިސްޓްރާރ އޮފް ކޮމްޕެނީޒްއަށް ހުށަހަޅާފައިވަނީ 14 އޭޕްރީލް 2017 ގައެވެ.

27 ސިވިލް ކޯޓުގެ ނަންބަރު 3002/Cv-C/2017 ޤަޟިއްޔާ އެކޯޓަށް ހުށަހަޅާފައިވަނީ 26 އޮކްޓޯބަރ 2017 ގައިކަން އެ މައްސަލައިގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.

2022/SC-A/54 [2023] SC 22

2019/SC-A/300 [2021] SC 778

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ