ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2023] SC 05 · 2022/SC-A/55ސުޕްރީމް ކޯޓު · 9 ފެބުރުއަރީ 2023

ޢަލީ އިބްރާހީމް ވ. ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލް

ސުޕްރީމް ކޯޓު
1 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 9 ފެބުރުއަރީ 2023ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޢަލީ އިބްރާހީމް ވ. ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު (ފަނޑިޔާރު ޙުސްނުއްސުޢޫދު އަދި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ތާއީދު ކުރައްވާފައި)

ތަޢާރުފު

ހއ. އިހަވަންދޫ، އުޑުވިލާގެ (މީގެ ފަހުން "އުޑުވިލާގެ") އަކީ އިބްރާހީމް މުޙައްމަދުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ގޯއްޗެކެވެ. އުޑުވިލާގެ އެވެ ކިޔާ ގޯތީގެ އިރުމަތީ ފަރާތުގައި ހުރި 2 ކޮޓަރިއާއި، ފިނި ފެންޑާއެއް އެކުލެވޭގޮތަށް ރާނާފައިވާ ގެއާއި، ބަދިގެއާއި، ރާނާ ސިމެންތި ޖަހާފައިވާ 1 (އެކެއް) ފެންވަޅު ހިމެނޭ ޢިމާރާތެއް، އިބްރާހީމް މުޙައްމަދުގެ ދަރިފުޅު، ހއ. އިހަވަންދޫ، އުޑުވިލާގެ، މުޙައްމަދު އިބްރާހީމްއަށް ހިބައިން ދިނުމަށް 30 ޖަނަވަރީ 2000 ގައި އިބްރާހީމް މުޙައްމަދު އިހަވަންދޫ ކޯޓުގެ ނަންބަރު 05/A7-C/2000 ގަޒިއްޔާއިން ހުށަހެޅިއެވެ.

އިހަވަންދޫ ކޯޓުގެ ނަންބަރު 05/A7-C/2000 ގަޒިއްޔާގައި ކަނޑައެޅީ، މި ހިބަ މުޙައްމަދު އިބްރާހީމް ޤަބޫލުކޮށް ބަލައިގެންފައިވާކަން ޝަރީޢަތަށް ސާބިތުވާތީ، މިއީ ޞައްޙަ ހިބައެއްކަމަށާއި، އަދި އުޑުވިލާގެ އެވެ ކިޔާ ބަންޑާރަ ގޯތީގެ އިރުމަތީ ފަރާތުގައިވާ ގެއާއި، ބަދިގެއާއި، ފެންވަޅަކީ މުޙައްމަދު އިބްރާހީމްގެ މިލްކު ތަންތަން ކަމަށެވެ. މި ގަޒިއްޔާގައި ޙުކުމްކުރީ 23 ޖުލައި 2001 ގައެވެ.

09 އޯގަސްޓް 2001 ގައި އުޑުވިލާގެ އެވެ ކިޔާ ގޯތި ދެބައިކޮށް އެ ގޯތީގެ ހުޅަނގު ބައި އިބްރާހީމް މުޙައްމަދަށް ރަޖިސްޓްރީކޮށްދީ، އެ ގޯތީގެ އިރުމަތީ ބައި "މާފަހި" ގެ ނަމުގައި މުޙައްމަދު އިބްރާހީމްއަށް ރަޖިސްޓްރީކޮށްދީފައިވެއެވެ.

އިބްރާހީމް މުޙައްމަދު ނިޔާވެފައިވަނީ އޭގެ 7 (ހަތެއް) އަހަރާއި 10 (ދިހައެއް) މަސް ފަހުން 13 ޖޫން 2008 ގައެވެ.

10 އޮކްޓޯބަރު 2017 ގައި އިބްރާހީމް މުޙައްމަދުގެ ދަރިއެއްކަމުގައިވާ ޢަލީ އިބްރާހީމް އިހަވަންދޫ މެޖިސްޓްރޭޓް ކޯޓަށް މައްސަލައެއް ހުށަހެޅިއެވެ. ޢަލީ އިބްރާހީމްގެ މައިގަނޑު ޝަކުވާއަކީ އިހަވަންދޫ ކޯޓުގެ ނަންބަރު 05/A7-C/2000 ގަޒިއްޔާގައި އޭނާގެ ބައްޕަ އިބްރާހީމް މުޙައްމަދު، އޭނާގެ ބޭބެ މުޙައްމަދު އިބްރާހީމްއަށް ހިބައިންދީފައިވާ ސަރަޙައްދު ބަޔާންކޮށްފައިނެތީސް، ހިބައިން ދީފައިވާ ބަޔަށް ވުރެ ބޮޑު ބައެއް ވަކިކޮށް މުޙައްމަދު އިބްރާހީމްގެ ނަމުގައި ރަޖިސްޓްރީކޮށްދީފައިވާކަމަށް ބުނާ ބުނުމެވެ. އެހެންކަމުން، ޢަލީ އިބްރާހީމް އެދެނީ މާފަހި އެވެ ކިޔާ ގޯތީގެ ރަޖިސްޓްރީ ބާޠިލުކޮށް، ހިބައިން ދީފައިވާ ސަރަހައްދުގެ އިން ކަނޑައަޅައިދިނުމަށެވެ. ޢަލީ އިބްރާހީމް ހުށަހެޅި މައްސަލަ ބެލީ އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 32/A7-C/2017 ގަޒިއްޔާއިންނެވެ. އެ ގަޒިއްޔާގައި ޙުކުމްކުރީ ހއ. އިހަވަންދޫ ކައުންސިލުން ބިން ވަކިކޮށްދީފައިވަނީ ޤާނޫނާ ޚިލާފަށްކަން އެނގެން ނެތްކަމަށެވެ.

އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 32/A7-C/2017 ގަޒިއްޔާ

އިސްތިއުނާފުކުރުމަށް ޢަލީ އިބްރާހީމްގެ ފަރާތުން ހައިކޯޓަށް ހުށަހެޅިއެވެ. ހައިކޯޓުގެ ނަންބަރު 2021/HC-N-A/35 ގަޒިއްޔާގައި ޙުކުމްކުރީ އެ ދަޢުވާއަކީ ޢަލީ އިބްރާހީމްއަށް ދަޢުވާކުރުމުގެ ޤާނޫނީ ހައިސިއްޔަތު ނެތި އުފުލާފައިވާ ދަޢުވާއަކަށްވުމުން، އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 32/A7-C/2017 ގަޒިއްޔާއަކީ ބާޠިލު ގަޒިއްޔާއެއްކަމަށް ކަނޑައަޅައެވެ.

މިއީ ބުނެވުނު ހައިކޯޓުގެ ނަންބަރު 2021/HC-N-A/35 ގަޒިއްޔާ އިސްތިއުނާފުކުރުމަށް ޢަލީ އިބްރާހީމްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން ސުޕްރީމް ކޯޓުން އެ މައްސަލައާމެދު ނިންމި ގޮތެވެ.

އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 32/A7-C/2017 ގަޒިއްޔާ އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 32/A7-C/2017 ގަޒިއްޔާގައި އެ މައްސަލައިގެ މައުލޫއުގައި ޙުކުމްކޮށްފައިވެއެވެ. އެ ގަޒިއްޔާގައި ނިންމީ އިހަވަންދޫ ކައުންސިލުން ބިން ވަކިކޮށްދީފައިވަނީ ޤާނޫނާ ޚިލާފަށްކަން އެނގެން ނެތަތީ، އެ ހިބައިގެ މައްޗަށް ރަޖިސްޓްރީ ކޮށްދީފައިވާ ރަޖިސްޓްރީ ބާޠިލުކޮށްދެވެން ނެތްކަމަށާއި، އެ ހިބައިގެ ދަށުން މުޙައްމަދު އިބްރާހީމްއަށް މިލްކުވެރިފައިވާ ޢިމާރާތްތައް ހުރި ސަރަޙައްދު ޝަރީޢަތުން އިތުރަށް ކަނޑައަޅާނެ ތަނެއް ނެތްކަމަށެވެ. އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުން މިގޮތަށް ޙުކުމްކުރި ސަބަބުތައް އެ ގަޒިއްޔާގައި ބަޔާންކޮށްފައިވެއެވެ. ނަމަވެސް، ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މި މައްސަލައިގެ ބޭނުމަށް އެ ގަޒިއްޔާގެ ނިންމުން ބިނާކުރި ސަބަބުތަކުގެ ތަފުސީލަށް މިވަގުތު ނުދާނަމެވެ.

ހައިކޯޓުން މައްސަލަ ނިންމިގޮތް

އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 32/A7-C/2017 ގަޒިއްޔާ އިސްތިއުނާފުކުރުމަށް ޢަލީ އިބްރާހީމްގެ ފަރާތުން ހައިކޯޓަށް ހުށަހެޅިއެވެ. އަދި ހައިކޯޓުގެ ނަންބަރު 2021/HC-N-A/35 ގަޒިއްޔާގައި އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ ޙުކުމް ބާޠިލުކުރިއެވެ. ހައިކޯޓުން މިގޮތަށް ޙުކުމްކުރީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބުރަވެއެވެ.

މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތުން ދަޢުވާކުރުމުގެ ހައިސިއްޔަތާމެދު ސުވާލު އުފައްދާފައިވާކަމާއި، "މާފަހި" ނަމަކަށް ކިޔާ ވަކި ގޯއްޗެއްގެ ގޮތުގައި މުޙައްމަދު އިބްރާހީމްއަށް ބިންވަކިކޮށްދީ ރަޖިސްޓްރީ ހަދާދީފައިވަނީ އިބްރާހީމް މުޙައްމަދުގެ ހެޔޮ ޙާލުގައި ދުނިޔޭގައިކަމާއި، ބިންބައިކޮށް ހައްދާދީފައިވާ ރަޖިސްޓްރީއާމެދު އިބްރާހީމް މުޙައްމަދު ޝަކުވާއެއް ކޮށްފައިނުވާކަމާއި، އަދި އިބްރާހީމް މުޙައްމަދުގެ ދުނިޔޭގައިވެސް އެއްވެސް ފަރާތަކުން އެކަން ހިނގާފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ބުނެ ޝަކުވާއެއް ކޮށްފައިނުވާކަން.

ބައްޕަގެ މުދަލުން ބައްޕަގެ އަމިއްލަ އިޚްތިޔާރުގައި ބައްޕަގެ ދުނިޔޭގައި ކޮށްފައިވާ ހިބައިގެ މުޢާމަލާތާ ގުޅިގެން ބިން ބައިކޮށް ހައްދާދީފައިވާ ރަޖިސްޓްރީއާމެދު ބައްޕަގެ އިއުތިރާޒެއް ނެތްހިނދު، ބައްޕަ މަރުވެ ދިއުމަށްފަހު އެކަމާ އިންކާރުކޮށް ޖަދަލުކުރުމުގެ ޤާނޫނީ އަދި ޝަރުޢީ ހައިސިއްޔަތެއް ދަރިންނަށް އޮންނާނެކަން އެނގޭނެފަދަ އެއްވެސް ޤާނޫނީ އަދި ޝަރުޢީ ނައްސެއް ޢަލީ އިބްރާހީމްއަށް ދެއްކިފައިނުވާކަން.

ދަޢުވާކުރުމުގެ ހައިސިއްޔަތު ނެތި ކޮށްފައިވާ ދަޢުވާއަކަށްވާތީ އެ ދަޢުވާ ބާޠިލުކުރަންޖެހޭކަން.

ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވުނު ނުކުތާތައް

ހައިކޯޓުގެ ނަންބަރު 2021/HC-N-A/35 ގަޒިއްޔާ ނިންމާފައިވަނީ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށް ބުނެ ޢަލީ އިބްރާހީމްގެ ފަރާތުން މައިގަނޑު 02 (ދޭއް) ނުކުތާއެއް ސުޕްރީމް ކޯޓަށް ހުށަހަޅައި އެ ނުކުތާތަކާމެދު ވާހަކަދައްކާފައިވެއެވެ.

11.1 ޢަލީ އިބްރާހީމްއަށް ދަޢުވާކުރުމުގެ ހައިސިއްޔަތު ނެތްކަމަށް ހައިކޯޓުން ކަނޑައެޅުމުގައި ސުޕްރީމް ކޯޓުގެ ހިއުމަންރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް ވ. މޯލްޑިވްސް ޕޮލިސް ސަރވިސަސް ގަޒިއްޔާގެ ނިންމުން ތަތުބީޤުކޮށްފައިވަނީ އެ ގަޒިއްޔާގައި ކަނޑައަޅާފައިވާ ހަމަތަކަށް ފުރިހަމައަށް ރިޢާޔަތްކުރެވިގެން ނޫންކަމާއި، ދަޢުވާކުރުމުގެ ހައިސިއްޔަތު ނެތްކަމަށް ނިންމާފައިވަނީ ސުޕްރީމް ކޯޓުގެ މުޙައްމަދު އިބްރާހީމް ދީދީ ވ. އޮޅުވެލިލާމް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާއި އިތުރު ދެފަރާތެއް ގަޒިއްޔާގެ 21 ވަނަ ނަންބަރުގައި ކަނޑައަޅާފައިވާ އުޞޫލަށް ރިޢާޔަތްކުރުމެއްނެތި ކަމަށް ބުނެ ހުށަހެޅި ނުކުތާ.

11.2 ހއ. އިހަވަންދޫ ރަށު އޮފީހުން އަލްމަރުހޫމް އިބްރާހީމް މުޙައްމަދުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ހއ. އިހަވަންދޫ އުޑުވިލާ ކިޔާ ބަންޑާރަ ގޯތި ބައިކޮށް މުޙައްމަދު އިބްރާހީމްގެ ނަން މައްޗަށް "މާފަހި" ކިޔާ ވަކި ގޯއްޗެއް ރަޖިސްޓްރީކޮށްފައިވަނީ އަލްމަރުހޫމް އިބްރާހީމް މުޙައްމަދު ހިބަކުރިގޮތަށް އެފަރާތުގެ އިޢުތިރާޒެއްނެތިކަމަށް ކަނޑައަޅައި، ޢަލީ އިބްރާހީމްއަށް ދަޢުވާކުރުމުގެ ޙައްޤު ނެތްކަމަށް ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 43 ވަނަ މާއްދާއާ 65 ވަނަ މާއްދާއާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ.

ޢަލީ އިބްރާހީމްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މި ދެ އިސްތިއުނާފީ ނުކުތާވެސް ބިނާވަނީ ހައިކޯޓުން ޢަލީ އިބްރާހީމްއަށް މި ދަޢުވާ ކުރުމުގެ ހައިސިއްޔަތު ނެތްކަމަށް ބުނެ ފާހަގަކުރި ނުކުތާއަށެވެ. ވުމާއެކު، މި މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންޖެހެނީ އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 32/A7-C/2017 ގަޒިއްޔާގައިވާ މައްސަލައަކީ ޢަލީ އިބްރާހީމްއަށް ދަޢުވާކުރުމުގެ ހައިސިއްޔަތު ލިބިގެންވާ މައްސަލައެއްކަން ނުވަތަ ނޫންކަމުގެ މައްޗަށެވެ.

ދަށުކޯޓުގައި ހުށަހެޅުނު ދަޢުވާ

އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 32/A7-C/2017 ގަޒިއްޔާގައި ހުށަހެޅުނު ދަޢުވާއަކީ ޢަލީ އިބްރާހީމްގެ ބައްޕަ، އިބްރާހީމް މުޙައްމަދުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ހއ. އިހަވަންދޫ، އުޑުވިލާގެ އެވެ ކިޔާ ބަންޑާރަ ގޯތީގެ އިރުމަތީ ފަރާތުގައިވާ 2 ކޮޓަރިއާއި ފިނިފެންޑާއެއް އެކުލެވޭގޮތަށް ރާނާފައިވާ ގެއާއި، ރާނާފައިވާ ބަދިގެއާއި، ރާނާ ސިމެންތި ޖަހާފައިވާ 1 (އެކެއް) ފެންވަޅު، އިބްރާހީމް މުޙައްމަދުގެ މިލްކުން ކަނޑައި އޭނާގެ ދަރިއެއް ކަމުގައިވާ މުޙައްމަދު އިބްރާހީމްއަށް އިހަވަންދޫ ކޯޓުގެ ނަންބަރު 05/A7-C/2000 ގަޒިއްޔާއިން ހިބައިން ދީފައިވާއިރު، އިހަވަންދޫ ކޯޓުގެ ނަންބަރު 05/A7-C/2000 ގަޒިއްޔާގައި ޢިމާރާތް ހިމެނޭ ސަރަޙައްދަކީ ކޮބައިކަން ބަޔާންކޮށްފައި ނުވާއިރު، ޢިމާރާތްތައް ހުރި ސަރަޙައްދަށް ވުރެ ބޮޑު ސަރަޙައްދެއް ވަކިކޮށް ވަކި ގޯއްޗެއްގެ ގޮތުގައި ރަޖިސްޓްރީކޮށްދީފައިވާތީ، އެ ރަޖިސްޓްރީ ބާޠިލުކޮށްދިނުމަށާއި އަދި ޢިމާރާތްތައް ހުރި ސަރަޙައްދުގެ އިން ކަނޑައަޅައި ދިނުމަށް އެދުމެވެ.

ހއ. އިހަވަންދޫ، އުޑުވިލާގެ އެވެ ކިޔާ ބަންޑާރަ ގޯއްޗަކީ އިބްރާހީމް މުޙައްމަދުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ގޯއްޗެކެވެ. އިހަވަންދޫ ކޯޓުގެ ނަންބަރު 05/A7-C/2000 ގަޒިއްޔާއިން އެ ގޯތީގެ ބައެއް ހިބައިން ދީފައިވަނީ އިބްރާހީމް މުޙައްމަދުގެ ދަރިއެއް ކަމުގައިވާ މުޙައްމަދު އިބްރާހީމްއަށެވެ. އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 32/A7-C/2017 ގަޒިއްޔާގައި ދަޢުވާކުރީ އިބްރާހީމް މުޙައްމަދުގެ އެހެން ދަރިއެއްކަމުގައިވާ ޢަލީ އިބްރާހީމްއެވެ. ޢަލީ އިބްރާހީމްގެ އިތުރުން އިބްރާހީމް މުޙައްމަދުގެ ވާރިސުންގެ ގޮތުގައި އެހެން މީހުން ތިބިކަން މި މައްސަލައިގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެން އޮވެއެވެ.

އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 32/A7-C/2017 ގަޒިއްޔާގައިވާ މައްސަލައިގެ މައުލޫއުގައި އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުން ގޮތެއް ކަނޑައަޅައި، ޙުކުމްކޮށްފައިވެއެވެ. ނަމަވެސް، ޢަލީ އިބްރާހީމްގެ ފަރާތުން އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 32/A7-C/2017 ގަޒިއްޔާ ހައިކޯޓުގައި އިސްތިއުނާފުކުރުމުން، ދަޢުވާކުރުމުގެ ހައިސިއްޔަތު ޢަލީ އިބްރާހީމްއަށް ލިބިގެންނުވާކަމަށް ހައިކޯޓުން ކަނޑައެޅި ސަބަބަކީ ބައްޕަގެ މުދަލުން ބައްޕަގެ އަމިއްލަ އިޚްތިޔާރުގައި ބައްޕަ ދުނިޔޭގައި ކޮށްފައިވާ ހިބައިގެ މުޢާމަލާތާ ގުޅިގެން ބިން ބައިކޮށް ހައްދާދީފައިވާ ރަޖިސްޓްރީއާމެދު ބައްޕަގެ އިޢުތިރާޒެއް ނެތްހިނދު، ބައްޕަ މަރުވެ ދިޔުމަށްފަހު އެކަމާ އިންކާރުކޮށް ޖަދަލުކުރުމުގެ ޤާނޫނީ އަދި ޝަރުޢީ ހައިސިއްޔަތެއް ދަރިންނަށް ލިބިގެންނުވާކަމަށް ބުނެއެވެ.

ޢަލީ އިބްރާހީމްއަށް ދަޢުވާކުރުމުގެ ހައިސިއްޔަތު އެބައޮތްތޯ

ހައިކޯޓުގެ ނަންބަރު 2021/HC-N-A/35 ގަޒިއްޔާ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރަމުން ޢަލީ އިބްރާހީމްގެ ފަރާތުން ޖުމްލަ ގޮތެއްގައި ބުނެފައިވަނީ އުޑުވިލާގެއިން ދެބައި ކުޅަ އެއްބައިވާ ގޮތަށް މުޙައްމަދު އިބްރާހީމްގެ ނަމުގައި "މާފަހި" އެވެ ކިޔާ ވަކި ގޯއްޗެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވުމުން، އެ ގޯތިން ޢަލީ އިބްރާހީމްއަށް ލިބެން އޮތް ޙައްޤަށް އުނިކަން އަންނަކަމަށާއި، ތަރިކައިގެ ޙައްޤުގެ ތެރޭގައި ހިމެނެނީ މުވައްރިޘަށް މިލްކުވެގެންވާ އެއްޗެއްކަމަށްވާއިރު، އިހަވަންދޫ ކައުންސިލުން ރަޖިސްޓްރީ ހަދާދީފައިވަނީ މުވައްރިޘްގެ ޙައްޤަށް އުނިކަން ލިބޭގޮތަށް ކަމަށެވެ. ވުމާއެކު، ޢަލީ އިބްރާހީމްއަށް ދަޢުވާކުރުމުގެ ޙައްޤު ނެތްކަމަށް ހައިކޯޓުން ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 43 ވަނަ މާއްދާއާއި 65 ވަނަ މާއްދާއާ ޚިލާފަށްކަމަށެވެ.

މީގެ ރައްދުގައި އިހަވަންދޫ ކައުންސިލުން ބުނެފައިވަނީ ދަޢުވާކުރާ ފަރާތަކީ ދަޢުވާކުރުމުގެ މަސްލަޙަތު އޮތުމުގެ އިތުރުން ދަޢުވާކުރުމުގެ ހައިސިއްޔަތު (locus standi) ލިބިފައިވާ ފަރާތަކަށްވާން ޖެހޭނެކަމަށާއި، ނިޔާވެފައިވާ މީހާގެ މަޞްލަޙަތުތަކާ ގުޅުންހުރި ކަންކަމުގައި ނިޔާވެފައިވާ ފަރާތުން، އޭނާ ދުނިޔޭގައި ހުރި ދުވަހު އެކަމުގެ ޙައްލަކަށް ނޭދޭއިރު، އޭނާ ދުނިޔެ ދޫކޮށްދިއުމަށްފަހު، އޭނާގެ ވާރިސުންނަކަށް އެކަންކަމުގެ މައްޗަށް ދަޢުވާނުކުރެވޭނެކަމަށެވެ.

އިހަވަންދޫ ކޯޓުގެ ނަންބަރު 05/A7-C/2000 ގަޒިއްޔާއިން އުޑުވިލާގެ އެވެ ކިޔާ ބަންޑާރަ ގޯތީގެ އިރުމަތީ ފަރާތުގައިވާ 2 ކޮޓަރިއާއި ފިނިފެންޑާއެއް އެކުލެވޭގޮތަށް ރާނާފައިވާ ގެއާއި، ރާނާފައިވާ ބަދިގެއާއި، ރާނާ ސިމެންތި ޖަހާފައިވާ 1 (އެކެއް) ފެންވަޅު، އިބްރާހީމް މުޙައްމަދުގެ މިލްކުން ކަނޑައި އޭނާގެ ދަރިއެއްކަމުގައިވާ މުޙައްމަދު އިބްރާހީމްއަށް ހިބައިން ދީފައިއޮތް އޮތުމަށް ޢަލީ އިބްރާހީމްގެ ފަރާތުން ދެކޮޅުނަހަދައެވެ. ޢަލީ އިބްރާހީމްގެ މައިގަނޑު ޝަކުވާ ބިނާވަނީ، އުޑުވިލާގެއެވެ ކިޔާ ގޯތީގެ ބައެއް ހިބައިން ދިންއިރު، ހިބައިންދިން ސަރަޙައްދުގެ މިން ޝަރީޢަތުން ކަނޑައަޅައިފައިނުވާއިރު، އިހަވަންދޫ ކޯޓުގެ ނަންބަރު 05/A7-C/2000 ގަޒިއްޔާއިން ހިބައިން ދިން ބަޔަށް ވުރެ ބޮޑު ބައެއް ބައިކޮށް، ޢަލީ އިބްރާހީމްގެ ބޭބެ، މުޙައްމަދު އިބްރާހީމްގެ ނަމުގައި ވަކި ގޯއްޗެއްގެ ގޮތުގައި އިހަވަންދޫ ކައުންސިލުން ރަޖިސްޓްރީކޮށްފައިވާކަމުގެ މައްޗަށެވެ.

އުޑުވިލާގެއެވެ ކިޔާ ގޯއްޗަކީ އަދިވެސް ޢަލީ އިބްރާހީމްގެ ބައްޕަ، އިބްރާހީމް މުޙައްމަދުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ގޯއްޗެއްކަމުގައި ޢަލީ އިބްރާހީމް ބުނެއެވެ. އެހެންކަމުން، އިބްރާހީމް މުޙައްމަދުގެ ވާރިސެއްގެ ހައިސިއްޔަތުން، އުޑުވިލާގެއެވެ ކިޔާ ބަންޑާރަ ގޯތީގައި ޢަލީ އިބްރާހީމްގެ މަސްލަޙަތެއް އުފަންވެފައިވެއެވެ. އަދި މި މައްސަލައިގައި ސުވާލު އުފައްދާފައިވަނީ އުޑުވިލާގެއެވެ ކިޔާ ގޯތި ބައިކޮށް ރަޖިސްޓްރީ ހަދައިދީފައިވާ ގޮތާމެދުކަން އެނގެން އޮންނައިރު، ގޯތި ބައިކޮށްފައިވަނީ ޤާނޫނީގޮތުން ސައްޙަ އިޖުރާއަތުތަކެއްގެ މައްޗަށްކަން އެނގުން އެންމެ ޙައްޤުކަން ބޮޑު އެއްފަރާތަކީ އިބްރާހީމް މުޙައްމަދުގެ ވާރިސުން ކަމުގައި ދެކެމެވެ.

ވުމާއެކު، މި މައްސަލައިގައި ދަޢުވާކުރުމުގެ ޙައްޤު ޢަލީ އިބްރާހީމްއަށް ލިބިގެންނުވާކަމަށް ހައިކޯޓުގެ ނަންބަރު 2021/HC-N-A/35 ގަޒިއްޔާގައި ކަނޑައަޅާފައި އޮތް އޮތުމަށް ބަދަލު ގެންނަންޖެހޭކަމުގައި އަހުރެންނަށް ބުރަވެވެއެވެ. އަދި އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 32/A7-C/2017 ގަޒިއްޔާގައި މައްސަލައިގެ މައުލޫއުއާމެދު ގޮތެއް ކަނޑައަޅާފައި އޮތުމުން، ޢަލީ އިބްރާހީމްގެ ފަރާތުން ހައިކޯޓަށް އިސްތިއުނާފުކުރުމަށް ހުށަހެޅި މައްސަލައިގެ މައުލޫއުއާމެދު އެ ކޯޓުން ގޮތެއް ކަނޑައެޅުމަށްޓަކައި، މި މައްސަލައަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 18 ވަނަ މާއްދާގެ (ށ) ގެ ދަށުން ދިވެހިރާއްޖޭގެ ހައިކޯޓަށް ތަހުވީލުކުރަންޖެހޭ މައްސަލައެއް ކަމުގައި އަހުރެން ދެކެމެވެ.

ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު

މި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު

މި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ އިސްވެ ބަޔާންކުރެވުނު ކަންކަން އެގޮތަށް ހުރުމާއެކު،

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-N-A/35 ގަޒިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލުކަމަށް ކަނޑައަޅައި،

އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 32/A7-C/2017 ގަޒިއްޔާއަކީ އެ ގަޒިއްޔާއިން ދަޢުވާކުރުމުގެ ހައިސިއްޔަތު ލިބިފައިވާ ފަރާތެއް ކޮށްފައިވާ ދަޢުވާއެއްކަމުން، އެ ގަޒިއްޔާއަކީ ޞައްޙަ ގަޒިއްޔާއެއްކަމަށް ކަނޑައަޅައި،

އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 32/A7-C/2017 ގަޒިއްޔާގައި ކޮށްފައިވާ ޙުކުމް އިސްތިއުނާފުކުރުމަށް ޢަލީ އިބްރާހީމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި މައްސަލައިގެ މައުލޫއުއާމެދު އެ ކޯޓުން ފައިސަލާކުރަނިވި ނިންމުމެއް ނިންމުމަށްޓަކައި ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު) ގެ 18 ވަނަ މާއްދާގެ (ށ) ގެ ދަށުން ދިވެހިރާއްޖޭގެ ހައިކޯޓަށް މި މައްސަލަ ތަހުވީލުކޮށް،

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

ޙުސްނުއްސުޢޫދުއަޒްމިރާލްދާ ޒާހިރުޢަލީ ރަޝީދު ޙުސައިން(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ