ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2023] SC 17 · 2021/SC-A/100ސުޕްރީމް ކޯޓު · 3 މޭ 2023

އޭއައިއެސް އެލްއެލްޕީ ވ. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް (ދައުލަތް)

ސުޕްރީމް ކޯޓު
1 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 3 މޭ 2023ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

އޭ.އައި.އެސް އެލް.އެލް.ޕީ ވ. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް (ދައުލަތް)[2023] SC 17

އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔު (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި)

ތަޢާރުފު

މި މައްސަލައަކީ އޭއައިއެސް އެލްއެލްޕީ (ރަޖިސްޓަރީ ނަންބަރު P-0016/2015) (މީގެފަހުން: "އޭއައިއެސް" ނުވަތަ "އިސްތިއުނާފުކުރާ ފަރާތް") އިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފީ މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް (ދައުލަތު) (މީގެ ފަހުން: "ދައުލަތް" ނުވަތަ "އިސްތިއުނާފު ރައްދުވާ ފަރާތް") ގެ މައްޗަށެވެ. ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވިފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2019/HC-A/145 ޤަޟިއްޔާއެވެ. ސިވިލް ކޯޓުން މި މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 3002/Cv-C/2017 ޤަޟިއްޔާއިންނެވެ.

ސިވިލް ކޯޓަށް ހުށަހެޅުނު ދަޢުވާ

އޭއައިއެސްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާގައި ބަޔާންކުރަނީ ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން އޭޝިޔާ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓަރީ ނަންބަރު C-261/2004) ލިކުއިޑޭޓް ކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ފުރިހަމަކޮށް، އެ ޤާނޫނުގެ ދަށުން ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް އަށް ހުށަހެޅުމުން އެ ޤާނޫނުގެ 93 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ 14 ދުވަހުގެ ތެރޭގައި އޭޝިޔާ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް އުވާލާފައިނުވާތީ، އޭޝިޔާ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް 24 ގަޑިއިރުގެ ތެރޭގައި އުވާލުމަށް ރެޖިސްޓްރާރ އޮފް ކޮމްޕެނީޒްގެ މައްޗަށް ކޯޓުން އަމުރުކޮށް ދިނުމަށެވެ.

ސިވިލް ކޯޓުން މައްސަލަ ނިންމި ގޮތް

ސިވިލް ކޯޓުން މައްސަލަ ނިންމާފައިވަނީ އޭއައިއެސްގެ ފަރާތުން ޝަރީޢަތަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް ބަލާއިރު އޭޝިޔާ ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑް އުވާލުމަށް ރެޖިސްޓްރާރ އޮފް ކޮމްޕެނީޒްގެ މައްޗަށް އަންގާ އަމުރުކުރާނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަމަށެވެ. ސިވިލް ކޯޓުގެ ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓަށް ބަލާއިރު އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.

ތ.ކަޅުފަހަލަފުށީގެ ލީސް އެގްރީމެންޓުގެ ދަށުން، ލޭންޑް ރެންޓާއި ޖޫރިމަނާގެ ގޮތުގައި 8 އޭޕްރީލް 2015 ގެ ނިޔަލަށް، އޭޝިޔާ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދައުލަތަށް، US$13,901,765.88 (ތޭރަމިލިއަން ނުވަލައްކަ އެއްހާސް ހަތްސަތޭކަ ފަސްދޮޅަސް ފަހެއް ޕޮއިންޓް އަށްޑިހަ އަށެއް ޔޫއެސްޑޮލަރު) ދައްކަންޖެހި ނުދެއްކިވާކަން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ނަންބަރު 220-TCS/101/2015/9 (08 އޭޕްރީލް 2015) ސިޓީއިން އެނގެން އޮންނަކަން.

އެކިފަރާތްތަކުން ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ކަމާބެހޭ ފަރާތްތަކުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަންވާނެކަމަށާއި، ފިޔަވަޅު އެޅުމަށްފަހުވެސް ފައިސާ ނުލިބޭނަމަ، އެ މައްސަލަތައް ޝަރީޢަތަށް ހުށަހަޅަންވާނެކަމަށް، ޤާނޫނު ނަންބަރު 2006/3 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) ގެ ދަށުން އެކުލަވާލާފައިވާ ދައުލަތުގެ މާލިއްޔަތުގެ ޤަވާޢިދު 2009 ގެ 1.07 ވަނަ މާއްދާގެ (ހ) އަދި (ނ) އިން އެނގެން އޮންނަކަމަށާއި، "މި ނޫންވެސް ދައުލަތުގެ މުއައްސަސާތަކުން ދޭންޖެހޭ ހުއްދަތައް ދިނުމުގެކުރިން އެފަރާތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާއެއް ނުދައްކާ ނެތްކަން، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އަށް ލިޔުމުން ހުށަހަޅައި ކަށަވަރުކުރެއްވުމަށް ފަހު މެނުވީ އެކަން ނުކުރެއްވުމަށް" މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ މާލިއްޔަތާބެހޭ ސަރކިއުލަރ 2011 (ނަންބަރު 7/2011) ގެ ދެވަނަ ޕެރެގްރާފްގައި ބަޔާންކޮށްފައިވާކަން.

ކުންފުނި އުވާލުމުގެ މަސައްކަތްކުރުމަށް ޢައްޔަނުކޮށްފައިވާ މީހާ ނުވަތަ މީހުންގެ މަސްއޫލިއްޔަތުގެ ތެރޭގައި ކުންފުނީގައި ހުރި ފައިސާ އާއި ކުންފުންޏަށް ލިބޭ ފައިސާ އާއި ކުންފުނީގެ މުދާ ވިއްކައިގެން ލިބޭ ފައިސާއިން ކުންފުނީގެ ދަރަނިތައް އަދާކުރުން ހިމެނޭކަން، ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 85 ވަނަ މާއްދާގެ (ނ) އިން އެނގެން އޮންނައިރު، އޭޝިޔާ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑްގައި ހުރި ފައިސާ އާއި، މުދަލުގެ ނުވަތަ ކުންފުނީގެ ދަރަނިތަކާއި، އަދާކުރި ދަރަނިތަކުގެ އެއްވެސް ތަފްޞީލު މަޢުލޫމާތެއް ހިމަނާފައިނުވާކަން، ހުށަހަޅާފައިވާ ލިޔުންތަކަށް ބެލުމުން އެނގެން އޮންނަކަން.

ކުންފުނި އުވާލުމުގެ މަސައްކަތް ހަވާލުކޮށްފައިވާ މީހާ ނުވަތަ މީހުން އެ ކުންފުންޏެއް އުވާލުމަށްޓަކައި ކުރަންޖެހޭކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަކުރުމަށްފަހު، ކުންފުނީގެ ޢާންމު ޖަލްސާއެއް ބާއްވަންވާނެކަމަށާއި، ކުންފުނި އުވާލުމުގެ މަސައްކަތް ކުރިގޮތާއި، އެ ކުންފުނީގެ ދަރަންޏާއި އެހެނިހެން ޒިންމާތަކާމެދު އެމީހަކު ނުވަތަ އެ ބަޔަކު ޢަމަލުކުރިގޮތުގެ ތަފްޞީލު އެ ޖަލްސާއަކަށް ހުށަހަޅަންވާނެކަމަށް ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 78 ވަނަ މާއްދާއިން އެނގެން އޮންނަކަން.

ކުންފުންޏެއް އުވާލުމުގެ މަސައްކަތް ހަވާލުވި މީހަކު ނުވަތަ ބަޔަކު، އެ މަސައްކަތް ފެށުމަށްފަހު އެ ކުންފުންޏަކަށް ލިބޭ ހުރިހާ ފައިސާ ޖަމާކުރަންވާނީ، ދިވެހިރާއްޖޭގައި ހުންނަ ބޭންކެއްގައި އެކަމަށްޓަކައި ހުޅުވާ ވަކި އެކައުންޓަކަށްކަން ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 88 ވަނަ މާއްދާއިން އެނގެން އޮންނަކަމަށާއި، ކުންފުންޏެއް އުވާލުމުގެ މަސައްކަތާ ހަވާލުވާ މީހަކު ނުވަތަ ބަޔަކު އެ ކުންފުންޏަކަށް ލިބޭ ހުރިހާ ފައިސާއަކާ ޚަރަދުކުރެވޭ ހުރިހާ ފައިސާއެއްގެ ހިސާބު ލިޔެ އެކަށީގެންވާ ގޮތަކަށް ބަލަހައްޓަންވާނެކަމަށް ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 89 ވަނަ މާއްދާއިން އެނގެން އޮންނައިރު، އޭޝިޔާ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑުގެ ލިކިއުޑޭޓަރގެ ހައިސިއްޔަތުން އޭއައިއެސްގެ ފަރާތުން ޙަވާލާދީފައިވާ މާއްދާތަކުގައި ބުނެފައިވާ މަޢުލޫމާތު ފުރިހަމަކޮށްފައިވާކަން އެނގޭފަދަ އެއްވެސް ލިޔެކިޔުމެއް ނުވަތަ އެނޫންވެސް ހެއްކެއް ޝަރީޢަތަށް ހުށަހަޅާފައިނުވާކަން ހުށަހެޅިފައިވާ ލިޔުންތަކަށް ބެލުމުން އެނގެން އޮންނަކަން.

އޭއައިއެސްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ ނުކުތާ

އޭއައިއެސްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރީ 01 (އެކެއް) ނުކުތާއެވެ. އެ ނުކުތާއަކީ، ސިވިލް ކޯޓުގެ ނަންބަރު 3002/Cv-C/2017 ޤަޟިއްޔާގައި، ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 93 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން އެ ޤާނޫނުގެ 76 ވަނަ މާއްދާގެ (ނ) އަދި އެ ޤާނޫނުގެ 82 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ކަންކަމަށް ރިޢާޔަތްކުރުމެއްނެތި މައްސަލަ ނިންމާފައިވާކަމަށް ބަޔާންކޮށް ހުށަހެޅި ނުކުތާއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ކުރިމަތީގައި އޮތް ސުވާލު އަދި އެކޯޓުން އެމައްސަލަ ނިންމި ގޮތް

ދިވެހިރާއްޖޭގެ ހައިކޯޓުގެ ކުރިމަތީގައި އޮތް ސުވާލުކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/145 ޤަޟިއްޔާގެ "ޝަރީޢަތް ނިމުނުގޮތް" ގެ 15 ވަނަ ޕެރެގްރާފްގައި ބަޔާންކުރަނީ، ތ. ކަޅުފަހަލަފުށީގެ ލީސް އެގްރީމަންޓްގެ ދަށުން، ލޭންޑް ރެންޓާއި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭ ފައިސާ ހޯދުމަށް އެދި ދައުލަތުގެ (މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ) ފަރާތުން އޭޝިޔާ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް 19 އެޕްރީލް 2017 ގައި މައްސަލައެއް ހުށަހަޅާފައި ވަނިކޮށް އޭގެ 6 (ހައެއް) މަސްދުވަސް ފަހުން 26 އޮކްޓޫބަރު 2017 ގައި އޭޝިޔާ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް އުވާލުމުގެ އަމުރަކަށް އެދި އޭއައިއެސްގެ ފަރާތުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅުމުން އެ މައްސަލަ ބެލިދާނެތޯ އުފެދޭ ސުވާލުކަމަށެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/145 ޤަޟިއްޔާ ނިންމަވާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-SJ/05 އަމުރުގައި "ޝަރީޢަތަށް ހުށަހެޅިފައިވާ އެއްވެސް މައްސަލައަކާމެދު ޝަރީޢަތުން ވަކިގޮތެއް ކަނޑައެޅުމުގެ ކުރިން އެ މައްސަލައަކަށް އަސަރު ފޯރާ ފަދަ ގޮތަކަށް ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ނުވަތަ އެހެން ފަރާތަކުންވިޔަސް ކުރާ ކޮންމެ ޢަމަލަކީ ނުވަތަ ނިންމާ ނިންމުމަކީ އޭގެ ޒާތުގައި ބާޠިލު ކަމެއްކަމަށާއި މި ބާވަތުގެ އެއްވެސްކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށް އަމުރުކޮށްފީމެވެ." މިފަދައިން ކަނޑައަޅައިފައި އޮތުމުން، ސިވިލް ކޯޓުގެ ނަންބަރު 3002/Cv-C/2017 ޤަޟިއްޔާގައި އޭޝިޔާ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް އުވާލުމަށް އަމުރުކޮށްފިނަމަ، 19 އެޕްރީލް 2017 ގައި އޭޝިޔާ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ދައުލަތުން ސިވިލް ކޯޓަށް ހުށަހެޅި އެ ކޯޓުގެ ނަންބަރު 1215/Cv-C/2017 ޤަޟިއްޔާއަށް އަސަރުކުރުމުގެ ފުރުޞަތު އޮތްކަމަށް ބެލެވޭތީ އަދި އޭޝިޔާ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް އުވާލުމަށް އަމުރެއްކޮށްފިނަމަ ސިވިލް ކޯޓުގެ ނަންބަރު 3002/Cv-C/2017 ޤަޟިއްޔާ އެ ކޯޓަށް ހުށަހެޅުމުގެ 06 (ހައެއް) މަސްދުވަސް ކުރިން ސިވިލް ކޯޓަށް ހުށަހެޅުނު އެ ކޯޓުގެ ނަންބަރު1215/Cv-C/2017 ޤަޟިއްޔާއިން ބެލޭ މައްސަލައިގައި ހޯދުމަށް އެދިފައިވާ ފައިސާ ހޯދުމަށްވެސް އަސަރުކުރާނެކަމަށް ހައިކޯޓުގެ މައްސަލަ ބެއްލެވި ފަނޑިޔާރުން ދެކެވަޑައިގަންނަވާތީ، އޭއައިއެސްގެ ފަރާތުން ފާހަގަކުރި ނުކުތާއަށް ދިވެހިރާއްޖޭގެ ހައިކޯޓުން މިހިނދުގައި ރިޢާޔަތްކުރުމުގެ ބޭނުމެއް ނެތް ކަމަށެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ކުރި އިސްތިއުނާފު

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/145 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ އޭއައިއެސްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ވެސް ހުށަހަޅާފައިވަނީ 01 (އެކެއް) ނުކުތާއެވެ. އެ ނުކުތާގައި ބަޔާންކުރަނީ ސިވިލް ކޯޓުގެ ނަންބަރު 3002/Cv-C/2017 ޤަޟިއްޔާ ނިންމާފައިވަނީ ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 93 ވަނަ މާއްދާގެ (ހ) ގައި ވާގޮތުގެމަތިން އެ ޤާނޫނުގެ 76 ވަނަ މާއްދާގެ (ނ) އަދި އެ ޤާނޫނުގެ 82 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިޢާޔަތްކުރެއްވުމެއްނެތި ކަމަށާއި، އިސްތިއުނާފުކުރި ނުކުތާއަށް ދިވެހިރާއްޖޭގެ ހައިކޯޓުން މިހިނދުގައި ރިޢާޔަތް ކުރަންޖެހޭ ބޭނުމެއް އޮތްކަމުގައި ނުދެކޭ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައެޅުއްވި ނިންމެވުމަކީ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގެ ދަށުން ލިބިދީފައިވާ އިސްތިއުނާފުކުރުމުގެ ޙައްޤުގެ މަޤްޞަދު ނަފީވާގޮތަށް ނިންމަވާފައިވާ ނިންމެވުމެއް ކަމަށެވެ.

އޭއައިއެސްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި "އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމު" އަށާއި ހުށަހެޅި ލިޔެކިޔުންތަކަށާއި ޝަރީޢަތުގެ މަޖިލީހުގައި ދެއްކި ވާހަކަތަކަށް ބަލާއިރު، އޭއައިއެސްއިން ތަކުރާރުކޮށް ބުނާ ވާހަކައަކީ ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ކުންފުންޏެއް ލިކުއިޑޭޓްކުރުމަށް ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަ ކުރުމަށްފަހު، އެ ކުންފުނި ލިކުއިޑޭޓްކުރުމަށް ރެޖިސްޓްރާރ އޮފް ކޮމްޕެނީޒްއަށް ހުށަހަޅާ ތާރީޚުން ފެށިގެން 14 ދުވަހުގެ ތެރޭގައި އެ ކުންފުންޏެއް އުވާލަންޖެހޭނެކަމަށް ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 93 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައި އޮތަތީ އޭޝިޔާ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑްގެ ލިކުއިޑޭޓަރުގެ ހައިސިއްޔަތުން އޭއައިއެސްއިން އޭޝިޔާ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް އުވާލުމަށް އެދި ރެޖިސްޓްރާރ އޮފް ކޮމްޕެނީޒްއަށް ލިޔެކިއުންތައް ހުށަހަޅާ ދުވަހުން ފެށިގެން 14 ދުވަހުގެ ތެރޭގައި އެ ކުންފުނި އުވާލުމަކީ ރެޖިސްޓްރާރ އޮފް ކޮމްޕެނީޒްގެ މައްޗަށް އޮތް ވާޖިބެއް ކަމަށާއި މި ހާލަތުގައި ކުންފުނި އުވާނުލުމުގެ ބާރަކީ ރެޖިސްޓްރާރ އޮފް ކޮމްޕެނީޒްއަށް ލިބިގެންވާ އިޚްތިޔާރީ ބާރެއް ނޫންކަމަށެވެ. މިއީ އޭއައިއެސްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާގައިވެސް ދެއްކި ވާހަކައާއި އެދުނު އަމުރެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ކުރި އިސްތިއުނާފުގެ ޖަވާބު

އޭއައިއެސްއިން ސުޕްރީމް ކޯޓުގައި ކުރި އިސްތިއުނާފުގެ ޖަވާބުގައި ދައުލަތުން ބުނަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމަކީ އިޖުރާއީ ނިންމުމެއް ކަމަށްވިޔަސް، ހައިކޯޓުން މައްސަލަ ނިންމީ ޝަރީޢަތަށް ހުށަހެޅިފައިވާ އެއްވެސް މައްސަލައަކާމެދު ޝަރީޢަތުން ވަކިގޮތެއް ކަނޑައެޅުމުގެ ކުރިން އެ މައްސަލައަކަށް އަސަރުފޯރާފަދަ އެއްވެސް ކަމެއް އެއްވެސް މުއައްސަސާއަކުން ނުކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-SJ/05 ކޯޓު އަމުރުން އަމުރު ކޮށްފައިވާތީކަމަށެވެ. އަދި ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއަށް ޙަވާލާދީ އޭއައިއެސް އަށް އޮތް އިސްތިއުނާފީ ޙައްޤުގެ ދަށުން ޙާޞިލުކުރަން ބޭނުންވާ މަޤްޞަދު ނަފީވާކަމަށް އޭއައިއެސް އިން ބުނާބުނުން ފިޔަވައި ހައިކޯޓުގެ ނިންމުމުގެ ސަބަބުން ކުރިމަތިވާ އިތުރު ޤާނޫނީ ބަހުސަކީ ކޮބައިކަން އޭއައިއެސް އަށް ބުނެދެވިފައިނުވާކަމަށާއި އިޖުރާއީ ނިންމުން ޠަޢުނު ނުކޮށް ހަމައެކަނި އެ ނިންމުމުގެ ސަބަބުން ނިކުތް ނަތީޖާ ޤާނޫނާ ޚިލާފުކަމަށް ބުނެ މައްސަލައެއް ހުށަހެޅިދާނެކަމަށް ދައުލަތުން ނުދެކޭ ކަމަށެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ކުރިމަތީގައި އޮތް 02 (ދޭއް) ސުވާލު

އޭއައިއެސްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދައުވާއަށާއި ދިވެހިރާއްޖޭގެ ހައިކޯޓުގައި ކުރި އިސްތިއުނާފަށާއި އޭއައިއެސްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފު ފޯމަށާއި ދައުލަތުން ހުށަހެޅި ޖަވާބު ފޯމަށާއި ޝަރީޢަތުގެ މަޖިލީހުގައި ދެ ފަރާތުން ދެއްކި ވާހަކަތަކަށާއި ސިވިލް ކޯޓު ރިޕޯޓަށާއި ހައިކޯޓު ރިޕޯޓަށާއި މިކޯޓުން ބުނެގެން ހުށަހެޅި ލިޔެކިޔުންތަކަށް ބަލާއިރު ސުޕްރީމް ކޯޓުގެ ކުރިމައްޗަށް ހުށަހެޅިފައިވަނީ 02 (ދޭއް) ސުވާލެވެ.

ފުރަތަމަ ސުވާލަކީ، ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ކުންފުންޏެއް ލިކުއިޑޭޓްކުރުމަށް ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަ ކުރުމަށްފަހު، އެ ކުންފުނި ލިކުއިޑޭޓްކުރުމަށް ރެޖިސްޓްރާރ އޮފް ކޮމްޕެނީޒްއަށް ހުށަހަޅާ ތާރީޚުން ފެށިގެން 14 ދުވަހުގެ ތެރޭގައި އެ ކުންފުނި އުވާލުމަކީ، އެއްވެސް އިޚްތިޔާރެއް ނެތި ރެޖިސްޓްރާރ އޮފް ކޮމްޕެނީޒްގެ މައްޗަށް އޮތް ވާޖިބެއް ކަމަށް ބުނެ އުފައްދާ ސުވާލެވެ.

ދެވަނަ ސުވާލަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/145 ޤަޟިއްޔާގެ ޙުކުމުގެ ސަބަބުން ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއިން އޭއައިއެސްއަށް ލިބިދޭ އިސްތިއުނާފު ކުރުމުގެ ޙައްޤަށް އުނިކަމެއް އާދޭތޯ ބެލުމުގެ ސުވާލެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާ މައްސަލަތައް ޤާނޫނުއަސާސީއާ ނުވަތަ ޤާނޫނަކާ ނުވަތަ ޤާނޫނަކުން ބާރުލިބިގެން ހަދާފައިވާ ގަވާއިދަކާ ޚިލާފުކަމަށް ޤަބޫލުކުރެވިގެން އެކަން ފާހަގަކޮށް ކަމުގެ މަޞްލަޙަތު އޮތް ފަރާތަކުން ހުށަހަޅާ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ސުޕްރީމް ކޯޓަށް ލިބިގެންވެއެވެ. މިފަދަ މައްސަލަތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވޭނީ ހައިކޯޓުގެ ޙުކުމް ނުވަތަ ނިންމުން ބިނާކުރެވިފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއް ހުރިނަމަ، ނުވަތަ ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ ޤާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއް ހުރިނަމައެވެ.

އިސްތިއުނާފީ ކޯޓަށް ހުށަހެޅޭ އިސްތިއުނާފީ މައްސަލަތަކުގައި ފުރަތަމަ މަރުހަލާގެ ކޯޓަށް ހުށަހެޅި ދަޢުވާއަށާއި އިސްތިއުނާފީ ކޯޓުގައި ކުރި އިސްތިއުނާފަށާއި ޝަރީޢަތުގެ މަޖިލީހުގައި ޚަޞްމުންގެ ފަރާތުން ދެއްކި ވާހަކަތަކަށާއި ހުށަހެޅި ލިޔުންތަކަށް ރިޢާޔަތްކުރާއިރު އިސްތިއުނާފީ ނުކުތާތަކުގައި ކަނޑައެޅިގެން ބަޔާންކޮށްފައިނުވި ނަމަވެސް، މައްސަލައާ ގުޅޭ ޤާނޫނީ ނުކުތާތަކާ މެދު އެ މައްސަލައެއް ބަލާ ފަނޑިޔާރުން ދެކޭގޮތް އެ ފަނޑިޔާރުންގެ ރައުޔުގައި ހިމެނުން މުހިންމުކަމުގައި އަހުރެން ދެކެމެވެ. އިސްތިއުނާފުކުރި ނުކުތާ ނުވަތަ ނުކުތާތަކާމެދު ފަނޑިޔާރުން ނިންމާ ނިންމުން ފިޔަވައި އެ މައްސަލަ ބެލި ފަނޑިޔާރުން ފާޅުކުރާ "އޮޕީނިއަން" (opinion) ނުވަތަ ރައުޔު ވާނީ "އޮބިޓަރ ޑިކްޓަމް" (obiter dictum) އަކަށެވެ.

ދިވެހިރާއްޖޭގައި ކުންފުނި އުވާލުމުގައި ޢަމަލުކުރާގޮތް

ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 96/10) އަކީ މީގެ 27 އަހަރު ކުރިން އެކުލަވާލެވުނު ޤާނޫނެކެވެ. ހަތަރު ފަހަރެއްގެ މަތިން މި ޤާނޫނަށް އިސްލާޙު ގެނެވިފައިވީނަމަވެސް އެ ޤާނޫނު ވުޖޫދުވިފަހުން ވިޔަފާރީގެ ވައްޓަފާޅިއަށް އައިސްފައިވާ ބަދަލުތަކާ އެ ޤާނޫނަށް އަރާހަމަކުރެވިފައެއް ނުވެއެވެ. ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު ގައި ހިމެނޭ މަފްހޫމުތައް އެ ޤާނޫނުގައި ބަޔާންކޮށްފައި ވަނީ ވަރަށްވެސް ޚުލާޞާގޮތަކަށެވެ.

ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގައި ސޮލްވަންޓް (Solvent) (ދަރަންޏެއްނެތް) ކުންފުނި އުވާލުމުގައި ޢަމަލު ކުރާނެ ގޮތުގެ ފުރިހަމަ ތަފްޞީލެއް އަދި އިންސޮލްވަންޓް (Insolvent) (ދަރަނިވެރި ވެފައިވާ) ކުންފުނި އުވާލުމުގައި ޢަމަލު ކުރާނެ ގޮތުގެ ފުރިހަމަ ތަފްޞީލެއް ހިމެނިފައެއް ނުވެއެވެ. އެހެންނަމަވެސް، އެ ޤާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއް އުވާލެވިދާނެ ތިން ގޮތެއް އެ ޤާނޫނުގެ 75 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވެއެވެ. އެ ތިންގޮތަކީ: (1) އެ ކުންފުންޏެއް އުވާލުމަށް އެ ކުންފުންޏަކުން ކަނޑައެޅުން، (2) ކުންފުންޏެއް އުވާލުމަށް ކޯޓުން އަމުރުކުރުން، އަދި (3) ކުންފުންޏެއް އުވާލުމަށް ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް ކަނޑައެޅުމެވެ.

ކުންފުންޏެއް އުވާލުމަށް އެ ކުންފުންޏަކުން ކަނޑައެޅުން

ކުންފުންޏެއް އުވާލުމަށް އެ ކުންފުންޏަކުން ކަނޑައެޅުމުގެ އުޞޫލު ބަޔާންކުރަނީ ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 76 ވަނަ މާއްދާގައެވެ. އެ މާއްދާގެ (ހ) ގައި ބަޔާންކުރަނީ އެ ޤާނޫނުގެ 75 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ގޮތުގެ މަތިން އެ ކުންފުންޏެއް އުވާލުމަށް އެ ކުންފުންޏަކުން ކަނޑައެޅޭނީ އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން އެ ކުންފުންޏެއް އުވާލުމަށް ފާސްކޮށް އެ ފާސްކުރިކުރުމަށް ތާއީދުކޮށް މެންބަރުންގެ ޢާންމު ޖަލްސާއަކުން ފާސްކުރާ ޤަރާރަކުން ކަމަށެވެ. އަދި ކުންފުންޏެއް އުވާލުމަށް އެ ކުންފުންޏަކުން ކަނޑައަޅައިފިނަމަ އެ ކުންފުންޏަކުން އެ ކުންފުނި އުވާލުމުގެ ކަންކަންކުރަން އައްޔަންކުރާ ލިކުއިޑޭޓަރަށް ދޭންޖެހޭ އުޖޫރަ ކަނޑައެޅުމުގެ އިތުރުން، އެ ކުންފުންޏެއްގެ ބެލެންސް ޝީޓާއި، އެ ކުންފުންޏެއްގެ މުދަލާއި، ދަރަނިތަކާއި އެނޫންވެސް ޒިންމާތަކާ ބެހޭ މަޢުލޫމާތާއި، އެ ކުންފުނިން ދަރަނި އަދާކުރަންޖެހޭ ފަރާތްތަކުގެ ނަމާއި އެޑްރެހާއި، އެ ކުންފުންޏަކުން އެ ދަރަންޏަކާ ގުޅޭގޮތުން އެ ކުންފުނީގެ އެއްވެސް މުދަލެއް ރަހުނު ކޮންފައިވާނަމަ އެކަމާބެހޭ މަޢުލޫމާތު ލިކުއިޑޭޓަރަށް ދޭންޖެހޭނެ ކަމަށެވެ. އަދި އެ ކުންފުނި އުވާލުމުގެ ކަންކަމާ ލިކުއިޑޭޓަރު ހަވާލުވާ ދުވަހުން ފެށިގެން 07 ދުވަހުގެ ތެރޭގައި ރެޖިސްޓްރާރ އޮފް ކޮމްޕެނީޒަށް އެކަން އަންގައި ޢާންމުކޮށް އިޢުލާން ކުރުމަށްފަހު، ޤާނޫނުގައި ބަޔާންކުރާގޮތުގެ މަތިން އެ މަސައްކަތް ފަށަންޖެހޭނެ ކަމަށެވެ.

ކުންފުނި ލިކުއިޑޭޓް ކުރުމުގެ ކަންކަން ޤާނޫނު ބުނާގޮތުގެ މަތިން ފުރިހަމަކޮށް ނިމުމުން ލިކުއިޑޭޓަރު އެ ކުންފުންޏެއްގެ ޢާންމު ޖަލްސާއެއް ބާއްވަންޖެހެއެވެ. އެ ޢާންމު ޖަލްސާއަށް ޙާޟިރުވުމަށް އެ ކުންފުންޏެއްގެ މެންބަރުންނަށް އަންގަންޖެހޭނީ ޢާންމުކޮށް ކުރާ އިޢުލާނަކުންނެވެ. އަދި އެ ކުންފުނި އުވާލުމަށް ރެޖިސްޓްރާރ އޮފް ކޮމްޕެނީޒަށް ހުށަހެޅުމުގެ ކުރިން އެ ކުންފުނި އުވާލުމުގެ މަސައްކަތް ލިކުއިޑޭޓަރު ކުރިގޮތާއި އެ ކުންފުނީގެ ދަރަންޏާއި އެހެނިހެން ޒިންމާތަކާމެދު ލިކުއިޑޭޓަރު ޢަމަލުކުރި ގޮތުގެ ތަފްޞީލު އެ ކުންފުނީގެ ޢާންމު ޖަލްސާއަކަށް ހުށަހަޅަންޖެހޭނެއެވެ.

ކުންފުންޏެއް އުވާލުމަށް ކޯޓުން ކަނޑައެޅުން

ކުންފުންޏެއް އުވާލުމަށް ކޯޓުން ކަނޑައެޅުމުގެ ތަފްޞީލް ބަޔާންކުރަނީ ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 80 ވަނަ މާއްދާގައެވެ. އެ މާއްދާގެ (ހ) ބަޔާންކުރަނީ އެ ޤާނޫނުގެ 75 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރު ގައި ބަޔާންކުރާ ގޮތުގެ މަތިން ކުންފުންޏެއް އުވާލުމަށް ކޯޓަށް އަމުރު ކުރެވިދާނެ ކަމަށެވެ. މިގޮތަށް އަމުރު ކުރެވިދާނެ ހާލަތްތަކަކީ؛ (1) ކުންފުނީގެ މެންބަރުންގެ ޢާންމު ޖަލްސާ އަކުން ފާސްކުރާ ޚާއްޞަ ޤާރާރަކުން ކޯޓު މެދުވެރިކޮށް އެ ކުންފުންޏެއް އުވާލުމަށް ނިންމުން، (2) ކުންފުނީގެ އަހަރީ ފީ ނުދައްކައިއޮވެ، އެ އަހަރެއްގެ މެއިމަސް ހުސްވުން، (3) އެ ކުންފުންޏެއްގެ ދަރަނި އަދާ ނުކުރެވޭނެ ކުންފުންޏެއް ކަމުގައިވުން، (4) ކުންފުނިން ކުރުން ޤާނޫނުން ލާޒިމުކުރާ ކަމެއް ނުވަތަ ކަންތައްތަކެއް ނުކޮށް ތަކުރާރުކޮށް ދޫކޮށްލާފައިވާ ކަމަށް ކޯޓަށް ސާބިތުވުން، (5) ކުންފުނި ހިންގަނީ ޣައިރު ޤާނޫނީ މަޤްޞަދަކަށްޓަކައި ކަމަށް، ކޯޓަށް ސާބިތުވުން، (6) ކުންފުނީގެ ޑިރެކްޓަރުން އެ ކުންފުންޏެއްގެ ވިޔަފާރި ކުރަމުން ގެންދަނީ އެ ކުންފުންޏެއްގެ ހުރިހާ މެންބަރުންގެ މަޞްލަޙަތަށްވުރެ، ޑިރެކްޓަރުންގެ އަމިއްލަ މަޞްލަޙަތު ކުރިއަށް ގެންދިއުމަށް ކަމަށާއި، އެކަމުން އެހެން މެންބަރުންގެ ޙައްޤުތަކަށް އުނިކަން ލިބޭކަމަށް ކޯޓަށް ސާބިތުވުން، އަދި (7) އެ ކުންފުނި އުވާލުމަކީ އެ ކަމެއްގައި އޮތް އެންމެ ޢަދުލުވެރި އަދި އިންސާފުވެރި ގޮތްކަމަށް ކޯޓަށް ފެނުމެވެ.

ކުންފުންޏެއް އުވާލުމުގެ މައްސަލައެއް ކޯޓަށް ހުށަހެޅޭނީ ހަތަރު ފަރާތަކަށެވެ. އެ ހަތަރު ފަރާތަކީ، (1) އެ ކުންފުންޏަކަށް، (2) އެ ކުންފުންޏެއްގެ މެންބަރަކަށް، (3) ކުންފުނީގެ ފަރާތުން އެ ފަރާތަކަށް ދަރަންޏެއް އަދާކުރަންވެފައި އޮތް ފަރާތަކަށް (ކުންފުނީގެ ކްރެޑިޓަރަކަށް)، އަދި (4) ރެޖިސްޓްރާރ އޮފް ކޮމްޕެނީޒަށެވެ. މިއިން ފަރާތަކުން ކޯޓަށް ހުށަހަޅާ މައްސަލައެއްގައި ކުންފުނި އުވާލުމަށް ކޯޓަށް ފެނިއްޖެނަމަ އެކަން ކުރާނެ ލިކުއިޑޭޓަރަކު އައްޔަންކުރާނީ ކޯޓުންނެވެ. އަދި ކުންފުނީގެ ފަރާތުން އެ ލިކުއިޑޭޓަރަށް އެ އުންފުންޏެއްގެ ބެލެންސް ޝީޓާއި ކުންފުނީގެ މުދަލާއި، ދަރަނިތަކާއި އެނޫންވެސް ޒިންމާތަކާ ބެހޭ މަޢުލޫމާތާއި، ކުންފުނިން ދަރަނި އަދާކުރަންޖެހޭ ފަރާތްތަކުގެ ނަމާއި އެޑްރެހާއި، އެ ކުންފުންޏަކުން އެ ދަރަންޏާ ގުޅޭގޮތުން އެ ކުންފުނީގެ އެއްވެސް މުދަލެއް ރަހުނު ކޮށްފައިވާނަމަ، އެ މަޢުލޫމާތު ދިނުމަށް ކޯޓުން އަމުރު ކުރަންޖެހެއެވެ.

ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 80 ގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކުރާ ދަރަނި އަދާނުކުރެވޭ ކުންފުންޏެއްކަމަށް ކޯޓުން ބަލާނީ 5,000.00 (ފަސްހާސް) ރުފިޔާ އަށްވުރެ ބޮޑު އަދަދެއްގެ ފައިސާ އެއްވެސް ފަރާތަކަށް ދައްކަން އޮވެ އެ ފަރާތަކުން އެ ފައިސާ ހޯދުމަށް އެ ކުންފުންޏަކަށް ލިޔުމަކުން ހުށަހަޅާ ތާރީޚުން ފެށިގެން 15 ދުވަހުގެ ތެރޭގައި އެ ފައިސާ އެ ކުންފުންޏަކުން ދައްކާފައި ނުވުމުން، ނުވަތަ ޝަރީޢަތުގެ ފަރާތުން އެ ކުންފުނީގެ މައްޗަށް ދަރަންޏެއް ސާބިތުކޮށް އެ ދަރަނި އަދާކުރުމަށް ކޯޓުން ޙުކުމް ކޮށްފައިވާގޮތާ އެއްގޮތަށް އެ ދަރަންޏެއް ނުވަތަ އެ ދަރަންޏެއްގެ ބައެއް އެ ކުންފުންޏަކުން ދައްކާފައި ނުވުމުންނެވެ.

ކުންފުންޏެއް އުވާލުމަށް ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް ކަނޑައެޅުން

ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ކުންފުންޏެއް އުވާލެވޭ ގޮތްތަކުގެ ތެރެއިން ކުންފުންޏެއް އުވާލެވިދާނެ ތިންވަނަ ގޮތަކީ، ކުންފުންޏެއް އުވާލުމަށް ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް ކަނޑައެޅުމެވެ. ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ކުންފުންޏެއް އުވާލުމަށް ރެޖިސްޓްރާރ އޮފް ކޮމްޕެނީޒަށް ކަނޑައެޅޭ ޙާލަތްތަކުގެ ތަފްޞީލު ބަޔާންކުރަނީ އެ ޤާނޫނުގެ 75 ވަނަ މާއްދާގެ (ށ) ގައެވެ. މި ރައުޔުގައި ކުންފުންޏެއް އުވާލުމަށް ރެޖިސްޓްރާރ އޮފް ކޮމްޕެނީޒަށް ކަނޑައެޅޭނެ ޙާލަތްތަކުގެ ތަފްޞީލު ހިމަނާފައި ނުވަނީ އަހުރެންގެ ކުރިމަތީގައި އޮތް މައްސަލައާ މި މަފްހޫމްއާ ގުޅުމެއް ނެތަތީއެވެ.

ކުންފުނި އުވާލުމުގެ މަސައްކަތުގެ ނިމުން

ކުންފުންޏެއް އުވާލުމުގެ މަސައްކަތް ނިމުމަކަށް އަންނާނީ ކުންފުނި އުވާލުމުގެ މަސައްކަތްކުރުމަށް ޢައްޔަން ކޮށްފައިވާ ލިކުއިޑޭޓަރު ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 85 ވަނަ މާއްދާގައި ބަޔާންކުރާ ކަންތައްތައް ފުރިހަމަ އަށް އަދާކޮށް ނިމުމަށްފަހު ޤާނޫނު ބަޔާންކުރާ ލިޔެކިޔުންތައް ޤާނޫނު ބަޔާންކުރާ ގޮތުގެ މަތިން ފުރިހަމަކޮށް ރެޖިސްޓްރާރ އޮފް ކޮމްޕެނީޒަށް ހުށަހެޅުމަށް ފަހުއެވެ.

ކުންފުންޏެއް އުވާލުމުގެ މަސައްކަތް ހަވާލުކުރެވޭ ލިކުއިޑޭޓަރު ކުރަންޖެހޭ ކަންތައް ތަކަކީ؛ (1) ކުންފުނީގެ މުދަލާއި ދަރަނިތަކުގެ ތަފްޞީލު ބަޔާނެއް ތައްޔާރުކޮށް، އެ ކުންފުންޏެއްގެ މުދާ ރައްކާތެރި ކުރުމާއި، އެކި ފަރާތް ފަރާތުން ކުންފުންޏަށް ލިބެންހުރި ދަރަނިތައް ހޯދުން، (2) ކުންފުނީގެ މައްޗަށް އެކިފަރާތް ފަރާތުން ކުރާ ދަޢުވާގައްޔާއި ކުންފުނީގެ ފަރާތުން އެކި ފަރާތްތަކުގެ މައްޗަށް ކުރާ ދަޢުވާގައި ކުންފުނި ތަމްސީލު ކުރުން ނުވަތަ އެކަން ކަމަށް ޤާނޫނީ ވަކީލަކު ޢައްޔަން ކުރުން، (3) ކުންފުނީގައި ހުރި ފައިސާއާއި، ކުންފުންޏަށް ލިބޭ ފައިސާއާއި ކުންފުނީގެ މުދާ ވިއްކައިގެން ލިބޭ ފައިސާއިން ކުންފުނީގެ ދަރަނި އަދާކުރުން، (4) ކުންފުނީގެ ދަރަނިތައް އަދާ ކުރުމަށްފަހު، ކުންފުނީގައި ހުރި މުދަލަކާއި ފައިސާއެއް، މެންބަރުންގެ މެދުގައި އެ މެންބަރެއްގެ ޙިއްޞާގެ ނިސްބަތުން ބެހުން، އަދި (5) ކުންފުނި އުވާލުމަށް ޢައްޔަންކުރެވޭ ފަރާތުން ކުރަންވާނެ ކަމަށް ކުންފުންޏާބެހޭ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާން ކޮށްފައިވާ ކަންތައްތަކެވެ.

ކުންފުންޏަކުން އެ ކުންފުންޏެއް އުވާލުމަށް ކަނޑައަޅާނަމަ ނުވަތަ ކޯޓުގެ ކަނޑައެޅުމަކަށް އެ ކުންފުންޏެއް އުވާލާނަމަ އެ ކުންފުނި އުވާލުމުގެ މަސައްކަތް ފެށުމަށްފަހު އެ ކުންފުންޏަކަށް ލިބޭ ހުރިހާ ފައިސާއެއް ޖަމާކުރަންވާނީ، ދިވެހިރާއްޖޭގައި ހުންނަ ބޭންކެއްގައި އެކަމަށްޓަކައި ހުޅުވާ ވަކި އެކައުންޓަކަށެވެ. ލިކުއިޑޭޓަރަށް ކުންފުނި އުވާލުމުގައި ޙައްލު ނުކުރެވޭ ވަރުގެ ކަމެއް ދިމާވެއްޖެނަމަ، އެ މައްސަލައެއް ޙައްލުކުރާނީ ކޯޓަށް ހުށަހަޅައި، ކޯޓުން ނިންމާ ގޮތެއްގެ މަތިންނެވެ. އަދި ލިކުއިޑޭޓަރު އެ ކުންފުންޏެއް އުވާލުގެ މަސައްކަތް ކުރިގޮތާއި އެ ކުންފުނީގެ ދަރަންޏާއި އެހެނިހެން ޒިންމާތަކާމެދު އެ މީހަކު ނުވަތަ އެ ބަޔަކު ޢަމަލުކުރި ގޮތުގެ ތަފްޞީލް ކުންފުނީގެ ޢާންމު ޖަލްސާއަށް ހުށަހަޅަންޖެހޭނެއެވެ.

ކުންފުނި އުވާލުމުގެ މަސައްކަތާ ހަވާލުވި ލިކުއިޑޭޓަރުގެ މަސައްކަތް ފުރިހަމަވާނީ އެ ކުންފުންޏަކުން އެ ކުންފުންޏެއް އުވާލުމަށް ނިންމާފައިވާނަމަ، އެ ކުންފުނީގެ ހިސާބުތައް ތައްޔާރުކޮށް ޢާންމު ޖަލްސާއަށް ހުށަހަޅައި، އެ ކުންފުންޏެއް އުވާލުމާބެހޭ ގޮތުން ކުރި މަސައްކަތުގެ ތަފްޞީލު އެ ކުންފުންޏެއްގެ މެންބަރުންނަށް ދީ ފުރިހަމަ ކުރުމުންނެވެ. އަދި އެ ކުންފުންޏެއް އުވާލުމަށް ނިންމާފައިވަނީ ކޯޓުން ނަމަ، އެ ކުންފުނި އުވާލުމުގެ ކަންތައްތައްކޮށް ނިންމުމަށްފަހު، ކޯޓަށް ހުށަހަޅާ ހިސާބުތައް ކޯޓަށް ހުށަހަޅައި އެ ކުންފުންޏެއް އުވާލުމާބެހޭ ގޮތުން ކުރި މަސައްކަތުގެ ތަފްޞީލް ކޯޓަށް ދިނުމުންނެވެ. ކުންފުންޏެއް އުވާލެވި އެ ކުންފުންޏެއްގެ ނަން ރަޖިސްޓަރީން އުނި ކުރެވޭނީ އެ ކުންފުންޏެއް އުވާލުމުގައި، ޤާނޫނީގޮތުން ފުރިހަމަކުރަންޖެހޭ އެންމެހައި ކަންތައްތައް ފުރިހަމަކޮށް ރެޖިސްޓްރާރ އޮފް ކޮމްޕެނީޒަށް ހުށަހެޅުމުންނެވެ. ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 92 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކޮށްފައިވާ އެންމެހައި ކަންތައްތަކާއި ކުންފުނި އުވާލުމުގެކުރިން ފުރިހަމަވާންޖެހޭކަމަށް ޤާނޫނު ބަޔާންކުރާ އެންމެހައި ކަންތައްތައް ފުރިހަމަވެފައިވޭތޯ ބެލުމަކީ ރެޖިސްޓްރާރގެ މަސްއޫލިއްޔަތެކެވެ. އަދި މި އެންމެހައި ކަންކަން ފުރިހަމަ ވެފައިވާނަމަ 14 ދުވަހުގެ ތެރޭގައި ރެޖިސްޓްރާރ އޮފް ކޮމްފެނީޒް އެ ކުންފުންޏެއް އުވާލަންޖެހޭނެއެވެ.

އިނގިރޭސި ވިލާތުގައި ކުންފުނި އުވާލުން

ކުންފުނި އުވާލުމުގައި ޢަމަލުކުރާގޮތުގެ އިޖުރާއަތުތަކުގައި ތަފާތު ޖޫރިސްޑިކްޝަނުގައި ބައެއް ތަފާތު ހުރިނަމަވެސް ހުރިހާ ޖޫރިސްޑިކްޝަން ތަކެއްގައިވެސް ކުންފުނީގެ މަޞްލަޙަތަށާއި ކުންފުނީގެ ކްރެޑިޓަރުންގެ މަޞްލަޙަތަށް ރިޢާޔަތްކުރެއެވެ. ދިވެހިރާއްޖޭގައި ޢަމަލު ކުރަމުންދާ ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު އަކީ މިރާއްޖޭގެ ވިޔަފާރި ކުރިއަރާފައިވާގޮތަށް ބަލާއިރު ޒަމާނަށް އެންމެ އެކަށޭނަ ޤާނޫނަކަށް ނުވާތީ އަދި މިރާއްޖޭގެ ކޯޓުތަކުންވެސް ކުންފުންޏާބެހޭ މަފްހޫމްތައް ދެނެގަތުމުގައި ބޮޑަށް ރިޢާޔަތް ކުރަނީ އިނގިރޭސި ވިލާތުގެ ކުންފުންޏާބެހޭ ޤާނޫނުގެ މަފްހޫމްތަކަށް ކަމަށްވާތީ ކަމާގުޅޭ އިނގިރޭސިވިލާތުގެ ކުންފުންޏާބެހޭ ޤާނޫނުގެ މަފްހޫމްތައް ވަރަށް ޚުލާސާކޮށް މި ރައުޔުގައި ބަޔާންކުރުން މުހިންމު ކަމުގައި އަހުރެން ދެކެމެވެ.

އިނގިރޭސި ވިލާތުގައި ކުންފުނި ލިކުއިޑޭޓްކުރުމުގައި ޢަމަލުކުރާ މައިގަނޑު ތިން ގޮތެއް އޮވެއެވެ. ފުރަތަމަ ގޮތަކީ، ސޮލްވަންޓް (Solvent) (ދަރަންޏެއްނެތް) ކުންފުންޏެއް އުވާލުމުގައި ޢަމަލު ކުރާގޮތެވެ. ދެވަނަ ގޮތަކީ، އިންސޮލްވަންޓް (Insolvent) (ދަރަނިވެރި ވެފައިވާ) ކުންފުންޏެއް އުވާލުމުގައި ޢަމަލުކުރާ ގޮތެވެ. އަދި ތިންވަނަ ގޮތަކީ، ކޯޓުން ކުންފުނި އުވާލުމުގައި ޢަމަލުކުރާ ގޮތެވެ.

ސޮލްވަންޓް (Solvent) (ދަރަންޏެއްނެތް) ކުންފުނި އުވާލުމުގައި އިނގިރޭސި ވިލާތުގައި ޢަމަލު ކުރާގޮތް

ސޮލްވަންޓް (Solvent) (ދަރަންޏެއް ނެތް) ކުންފުންޏެއް ލިކުއިޑޭޓް (މެންބަރސް ވޮލަންޓަރީ ލިކުއިޑޭޝަން – Members Voluntary Liquidation) ކުރުމުގައި ޢަމަލުކުރާ ގޮތަށްބަލާއިރު، ކުންފުންޏެއް ލިކުއިޑޭޓް ކުރަން އެ ކުންފުނީގެ މެންބަރުން (ޙިއްޞާދާރުން) ނިންމާ އެ ކަމަށް ރެސޮލިއުޝަނެއް ފާސްކޮށް، އެ ރެސޮލިއުޝަން ފާސްކުރާ ދުވަހުން ފެށިގެން 15 ދުވަހުގެ ތެރޭގައި ރެޖިސްޓްރާރ އޮފް ކޮމްޕެނީޒަށް އެ ރެސޮލިއުޝަނާއެކު، އެ ކުންފުންޏަކުން ދައްކަންޖެހޭ އެއްވެސް ދަރަންޏެއް ނެތްކަމަށް ނުވަތަ ކަނޑައެޅޭ ވަކި މުއްދަތެއްގެ (12 މަސްދުވަހަށް ވުރެ ކުރު) ތެރޭގައި އެ ކުންފުނީގެ ދަރަނި ދައްކާ ޚަލާޞްކުރާނެކަމަށް އެ ކުންފުނީގެ ޑިރެކްޓަރުން ޑެކްލަރޭޝަން ("ޑެކްލަރޭޝަން އޮފް ސޮލްވަންސީ" (Declaration of Solvency އެއް ހަދައި އިސްވެ ބަޔާންކުރި ފަނަރަ ދުވަހުގެ ތެރޭގައި ކުންފުނި އުވާލުމަށް ފާސްކުރި ރެސޮލިއުޝަނާއެކު އެ ކުންފުނީގެ ޑިރެކްޓަރުން ހެދި ޑެކްލަރޭޝަން ރެޖިސްޓްރާރ އޮފް ކޮމްޕެނީޒަށް ހުށަހަޅަންޖެހެއެވެ. އަދި އެ ކުންފުނި އުވާލުމަށް އެ ކުންފުނީގެ ޙިއްޞާދާރުން ފާސްކުރާ ދުވަހުން ފެށިގެން 14 ދުވަހުގެ ތެރޭގައި އެ ކުންފުނި އުވާލުމަށް ފާސްކޮށްފައިވާކަން ގެޒެޓުގައި އިޢުލާނު (ޝާއިޢު) ކުރަންޖެހެއެވެ. ގަސްތުގައި ވިއަސް އަދި ގަސްތަކާނުލައި ވިއަސް، ޑެކްލަރޭޝަން އޮފް ސޮލްވަންސީގައި ޙަޤީޤަތާ ޚިލާފު މަޢުލޫމާތެއް ހިމެނިފައިވުމަކީ ޖޫރިމަނާއެއް ނުވަތަ ޖޫރިމަނާއާއެކު ޖަލު ޙުކުމެއް ކަނޑައެޅިފައިވާ ޖިނާއީ ކުށެކެވެ. ކުންފުނި އުވާލުމުގެ ކަންކަން ކުރުމަށް ލިކުއިޑޭޓަރެއް ޢައްޔަނުކުރުމާއެކު، ކުންފުނީގެ މެންބަރުންގެ ޢާންމު ޖަލްސާގައި ޑިރެކްޓަރުނަށް އޮންނަ ބާރު އަދި ލިކުއިޑޭޓަރު ޑިރެކްޓަރުންނާ މަތިކުރާ ބާރެއް ފިޔަވައި، ކުންފުނީގެ މައްޗަށް އޮންނަ ޑިރެކްޓަރުންގެ ބާރު ނިމުމަކަށް އަންނާނެއެވެ. ލިކުއިޑޭޓަރެއް ޢައްޔަނުކުރުމާއެކު އެ ކުންފުންޏެއް އުވާލުމާ ހަމަޔަށް އެ ކުންފުނީގެ ހުރިހާކަމެއް ބަލަހައްޓާނީ ލިކުއިޑޭޓަރެވެ.

އިންސޮލްވަންޓް (Insolvent) (ދަރަނިވެރި ވެފައިވާ) ކުންފުނި އުވާލުމުގައި އިނގިރޭސި ވިލާތުގައި ޢަމަލުކުރާ ގޮތް

އިންސޮލްވަންޓް ކުންފުނި ލިކުއިޑޭޓް ކުރުމުގައި އިނގިރޭސިވިލާތުގައި ޢަމަލުކުރާ ދެ ގޮތެއް އޮވެއެވެ. ފުރަތަމަ ގޮތަކީ، "ކްރެޑިޓަރސް ވޮލަންޓަރީ ލިކުއިޑޭޝަން (Creditors’ Voluntary Liquidation)؛" އަދި ދެވަނަ ގޮތަކީ، ކޯޓު މެދުވެރިކޮށް ނުވަތަ ކޯޓުން (ކޮމްޕަލްސަރީ ލިކުއިޑޭޝަން (Compulsory Liquidation ކުންފުނި ލިކުއިޑޭޓް ކުރުމެވެ.

ކްރެޑިޓަރުންގެ ވޮލަންޓަރީ ލިކުއިޑޭޝަން (Creditors’ Voluntary Liquidation)

ކްރެޑިޓަރސް ވޮލަންޓަރީ ލިކުއިޑޭޝަން (Creditors’ Voluntary Liquidation) އަކީ، އެ ކުންފުންޏަކާ ދެކޮޅަށް އެ ކުންފުނީގެ ކުރެޑިޓަރުން ދަޢުވާކުރާނެކަން ކަށަވަރުވެ އެ ކުންފުނި ލިކުއިޑޭޓް ނުކޮށް ސަލާމަތްނުކުރެވޭނެކަން ޔަޤީންވުމުން އެންމެ މަޞްލަޙަތު ބޮޑު ގޮތަކީ އެ ކުންފުނި ލިކުއިޑޭޓްކުރުން ކަމަށް ބަލައި އެ ކުންފުނި އުވާލުމަށް ހުށަހެޅުމެވެ. ކްރެޑިޓަރސް ވޮލަންޓަރީ ލިކުއިޑޭޝަން އަށް ދާ ހާލަތުގައި ކުންފުނި އުވާލުމަށް ކުންފުނީގެ މެންބަރުންގެ ރެސޮލިއުޝަން ފާސްކުރާ ދުވަހުން ފެށިގެން 14 ދުވަހުގެ ތެރޭގައި ކުންފުނީގެ ކްރެޑިޓަރުންނާއެކު ޖަލްސާއެއް ބާއްވަންޖެހެއެވެ. މި ޖަލްސާ ބޭއްވުމުގެ 7 ދުވަސް ކުރިން ޖަލްސާ ބާއްވާނެ ކަމުގެ ނޯޓިސް ކުންފުނީގެ ކްރެޑިޓަރުންނަށް ފޮނުވަންޖެހެއެވެ. އަދި ކްރެޑިޓަރުންގެ ޖަލްސާ އޮންނަކަން ގެޒެޓުގައި އެއްފަހަރު އަދި ކުންފުނި އޮޕަރޭޓްކުރާ ސަރަހައްދުގެ ދެ ނޫހެއްގައި މަދުވެގެން 2 ފަހަރު ޝާއިޢުކުރަންޖެހެއެވެ.

އުވާލުމަށް ނިންމާފައިވާ ކުންފުނީގެ ޑިރެކްޓަރުންގެ ފަރާތުން ކުންފުނީގެ ހާލަތު ބަޔާންކުރާ ބަޔާނެއް (Statement) އެއް ކްރެޑިޓަރުންނާއެކު ބާއްވާ ޖަލްސާއަށް ހުށަހަޅަންޖެހެއެވެ. މި ބުނި ބަޔާނުގައި ހުންނަންޖެހޭ މަޢުލޫމާތުގެ ތަފްޞީލް އިނގިރޭސި ވިލާތުގެ އިންސޮލްވަންސީ އެކްޓް (Insolvency Act) 1986 ގެ 99 ވަނަ މާއްދާގެ (2) ގައި ބަޔާންކޮށްފައިވެއެވެ. އެ މާއްދާ ބަޔާންކުރަނީ:

The statement as to the affairs of the company shall be verified by affidavit by some or all of the directors and shall show-

particulars of the company’s assets, debts and liabilities;the names and addresses of the company’s creditors;the securities held by them respectively;the dates when the securities were respectively given; and

such further or other information as may be prescribed.

އިނގިރޭސި ވިލާތުގެ އިންސޮލްވަންސީ އެކްޓް (Insolvency Act) 1986 ގެ 99 ވަނަ މާއްދާގެ ނަންބަރު (1) އަދި ނަންބަރު (2) ގައި ބަޔާންކުރާ މަޢުލޫމާތު އެކަށީގެންވާ ސަބަބެއް ނެތި ނުދީފިނަމަ ނުވަތަ އެކަށިގެންވާ ސަބަބެއްނެތި ކްރެޑިޓަރުންގެ ޖަލްސާގައި ޑިރެކްޓަރަކު ބައިވެރި ނުވެއްޖެނަމަ އެއީ ޖޫރިމަނާ ކުރެވޭނެ ކުށެކެވެ.

އިންސޮލްވަންޓް ނުވަތަ ދަރަނިވެރިވެފައިވާ ކުންފުންޏެއް އުވާލުމުގެ މަސައްކަތްކޮށް އެ ކުންފުނީގެ އެސެޓްތައް ބަހާނެ ލިކުއިޑޭޓަރަކު ޢައްޔަނު ކުރުމުގެ އިޚްތިޔާރު ކުންފުނީގެ ކްރެޑިޓަރުންނަށް ލިބިގެންވެއެވެ. އަދި ކުންފުނީގެ ފަރާތުން ލިކުއިޑޭޓަރަކު ޢައްޔަނު ކުރެވޭނީ އެ ކުންފުނީގެ ކްރެޑިޓަރުންގެ ޖަލްސާގައި ކްރެޑިޓަރުންގެ ފަރާތުން ލިކުއިޑޭޓަރަކު ޢައްޔަނުކޮށްފައި ނުވާނަމައެވެ. ކުންފުނީގެ ކްރެޑިޓަރުންގެ ފަރާތުން ނުވަތަ ކުންފުނީގެ ފަރާތުން ލިކުއިޑޭޓަރުކަމަށް ހުށަހެޅި ލިކުއިޑޭޓަރަކާމެދު އެ ކުންފުނީގެ ޑިރެކްޓަރަކު ނުވަތަ މެންބަރަކު ނުވަތަ ކްރެޑިޓަރަކު ހިތްހަމަ ނުޖެހޭނަމަ ކުންފުނި އުވާލުމުގައި ބައިވެރިވާނެ އިތުރު ފަރާތެއް ނުވަތަ އެހެން ލިކުއިޑޭޓަރެއް ޢައްޔަނު ކުރުމަށް ކޯޓު އަމުރަކަށް އެދެވިދާނެއެވެ.

ކުންފުނި އުވާލުމަށް ކޯޓުން ކަނޑައެޅުން

އިންސޮލްވަންޓް (Insolvent) ކުންފުންޏެއް ލިކުއިޑޭޓް ކުރެވޭ ދެވަނަ ގޮތަކީ، ކޯޓު މެދުވެރިކޮށް ނުވަތަ ކޯޓުން (ކޮމްޕަލްސަރީ ލިކުއިޑޭޝަން (Compulsory Liquidation ކުންފުނި ލިކުއިޑޭޓް ކުރުމަށް ކަނޑައެޅުމެވެ. އިނގިރޭސި ވިލާތުގެ އިންސޮލްވަންސީ އެކްޓް (Insolvency Act) 1986 ގެ 122 ވަނަ މާއްދާގައި ކުންފުނި ނިމުމަކަށް ގެންނަން ކޯޓުން ކަނޑައެޅިދާނެ 7 ޙާލަތް ބަޔާންކުރެއެވެ. މި 7 ޙާލަތުގެ ތެރޭގައި ކުންފުނީގެ ދަރަނި އަދާނުކުރެވުން އަދި އެންމެ އިންސާފުވެރި (just and equitable) ގޮތަކީ ކުންފުނި ނިމުމަކަށް ގެނައުންކަމަށް ކޯޓަށް ފެނުން ހިމެނެއެވެ. ޢާންމު ގޮތެއްގައި، ކޮމްޕަލްސަރީ ލިކުއިޑޭޝަނަށް ދަނީ އެ ކުންފުންނަކުން އެ ކުންފުނީގެ ކްރެޑިޓަރުންނަށް 10،000.00 (ދިހަހާސް) ޕައުންޑް އަށްވުރެ ގިނަ ޢަދަދެއްގެ ފައިސާ ދައްކަންއޮވެ އެ ޢަދަދު ނުދެއްކިވާ ޙާލަތުގައި އެ ކުންފުނި އުވާލުމުގެ ޕެޓިޝަނެއް ކްރެޑިޓަރުންގެ ފަރާތުން ކޯޓަށް ހުށަހެޅުމުންނެވެ. އެހެންނަމަވެސް، ކުންފުންޏެއް އުވާލުމަށް ކޯޓުގައި އެދުމުގެ ބާރު އެ ކުންފުންޏަކަށް، ނުވަތަ އެ ކުންފުނީގެ ޑިރެކްޓަރުންނަށް ނުވަތަ އެ ކުންފުނީގެ ކްރެޑިޓަރަކަށް ނުވަތަ ކްރެޑިޓަރުންނަށް ލިބިގެންވެއެވެ. މިއިން އެއްވެސް ފަރާތަކުން ކޯޓަށް މައްސަލައެއް ހުށަހަޅައިފިނަމަ އެ މައްސަލައެއް ކޯޓުންބަލާ ނިންމަން ވާނެގޮތުގެ ތަފްޞީލް އިނގިރޭސި ވިލާތުގެ އިންސޮލްވަންސީ އެކްޓް (Insolvency Act) ގައި ހިމަނާފައިވެއެވެ.

އިނގިރޭސިވިލާތުގައި ކުންފުނި އުވާލުމުގެ މަސައްކަތުގެ ނިމުން

މެންބަރުންގެ ވޮލަންޓަރީ ލިކުއިޑޭޝަން (Members’ Voluntary Liquidation) ނުވަތަ ކްރެޑިޓަރުންގެ ވޮލަންޓަރީ ލިކުއިޑޭޝަން ((Creditors’ Voluntary Liquidation ގައި ކުންފުނި އުވާލުމުގެ ކަންކަން ފުރިހަމަވާނީ ޤާނޫނު ލާޒިމްކުރާ އެންމެހާ ލިޔުންތައް ފުރިހަމަކުރުމަށްފަހު ރެޖިސްޓްރާރ އޮފް ކޮމްޕެނީޒްއަށް ހުށަހެޅުމުންނެވެ. އަދި އެ ލިޔުންތައް ފުރިހަމަ ނަމަ އެ ލިޔުންތައް ހުށަހަޅާ ދުވަހުން ފެށިގެން 03 (ތިނެއް) މަސްދުވަހުގެ ތެރޭގައި ކުންފުނި އުވޭނެއެވެ. ނަމަވެސް، އެ މުއްދަތުގެ ތެރޭގައި މަޞްލަޙަތުއޮތް ފަރާތަކުން މައްސަލައެއް ކޯޓަށް ހުށަހަޅައިފިނަމަ، އަދި އެއީ ކަމުގެ މަޞްލަޙަތު އޮތް ފަރާތެއްކަމަށް ކޯޓަށް ޤަބޫލު ކުރެވިއްޖެނަމަ، ކުންފުނި އުވޭނެ މުއްދަތު ކޯޓުގެ އިޚްތިޔާރުގައި ކަނޑައެޅިދާނެއެވެ.

ކްރެޑިޓަރުންގެ ޙިމާޔަތް

ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު އަދި އިނގިރޭސިވިލާތުގެ ކުންފުންޏާބެހޭ ޤާނޫނުގައި ކުންފުނީގެ ކްރެޑިޓަރުންގެ ޙިމާޔަތާއި ރައްކާތެރިކަން ވަނީ ވަރަށް ބޮޑަށް ކަށަވަރުކޮށްފައެވެ. ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 63 ވަނަ މާއްދާއިން ކޮންމެ ކުންފުންޏެއްގެ ވެސް ހިސާބުތައް ބެލެހެއްޓުން އެ ކުންފުނީގެ މައްޗަށް ލާޒިމް ކުރެއެވެ. އެ ހިސާބުތަކުގެ ތެރޭގައި އެ ކުންފުންޏަށް ދުވަހުން ދުވަހަށް ލިބޭ އާމްދަނީއާއި ޚަރަދުކުރާ ފައިސާގެ ތަފްޞީލުގެ އިތުރުން، ކުންފުނީގެ މުދަލާއި ދަރަންޏާއި އެހެނިހެން ޒިންމާތަކާ ބެހޭ ތަފްޞީލް ހިމެނެއެވެ. އަދި ކޮންމެ ކުންފުންޏެއްވެސް އެ ކުންފުނީގެ އަހަރީ ރިޕޯޓާއެކު ހުށަހަޅާ ހިސާބުތަކުގައި އެ ކުންފުނީގެ ދަރަންޏާއި އެ ދަރަންޏާ ގުޅޭގޮތުން ޢާންމު ގޮތެއްގައި އެނގެންވާނެ ކަންތައްތައް ހިމަނަންޖެހެއެވެ. މި ހިސާބުތަކީ ކުންފުނީގެ އަހަރީ ޢާންމު ޖަލްސާ ބާއްވާތާ 15 ދުވަހުގެ ތެރޭގައި ރެޖިސްޓްރާރ އަށް ހުށަހަޅަންޖެހޭ ހިސާބުތަކެކެވެ.

ކުންފުނީގެ އަރަންޏާއި ދަރަނީގެ ރެކޯޑް ބެލެހެއްޓުމުގެ ބޭނުމަކީ ކުންފުނީގެ ޑިރެކްޓަރުންނަށް އަދި މެންބަރުންނަށް ކުންފުނީގެ އަރަންޏާއި ދަރަނީގެ ތަފްޞީލް ފުރިހަމައަށް އެނގުމާއި، ކުންފުނީގެ ކްރެޑިޓަރުން ހިމެނޭގޮތަށް އެ ކުންފުންޏާއެކު މުޢާމަލާތްކުރާ ހުރިހާ ފަރާތަކަށްވެސް އެ ކުންފުނީގެ މާލީ ޙާލަތު އެނގުމާއި، އެ ކުންފުނި ލިކުއިޑޭޓް ކުރަންޖެހިއްޖެ ޙާލަތެއްގައި އެ ކުންފުނީގެ އަރަނި އަދި ދަރަނި ހުރި ނެތް ގޮތް ލިކުއިޑޭޓަރަށް ފޯރުކޮށްދިނުމެވެ.

ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 81 ވަނަ މާއްދާ ބަޔާންކުރާގޮތުން، ކުންފުންޏެއް އުވާލުމުގެ މައްސަލައެއް ކޯޓަށް ހުށަހެޅޭނެ އެއްފަރާތަކީ އެ ކުންފުންޏަކުން އެ ފަރާތަކަށް ދަރަންޏެއް އަދާކުރަންވެފައި އޮތް ފަރާތެކެވެ. އެ ކުންފުންޏަކުން އެ ފަރާތަކަށް ދަރަންޏެއް އަދާކުރަންވެފައި އޮވެ އެ ދަރަނި އަދާނުކުރެވޭ ކުންފުންޏެއް ކަމުގައި ކޯޓުން ބަލާނީ އެ ކުންފުންޏަކުން 5,000.00 ރުފިޔާ އަށްވުރެ ބޮޑު އަދަދެއްގެ ފައިސާ އެއްވެސް ފަރާތަކަށް ދައްކަން އޮވެ، އެ ފަރާތަކުން އެ ފައިސާ ހޯދުމަށް އެ ކުންފުންޏަކަށް ލިޔުމަކުން ހުށަހަޅާ ތާރީޚުން ފެށިގެން 15 ދުވަހުގެ ތެރޭގައި އެ ފައިސާ އެ ކުންފުންޏަކުން ދައްކާފައި ނުވުމުން ނުވަތަ ޝަރީޢަތުގެ ފަރާތުން އެ ކުންފުނީގެ މައްޗަށް ދަރަންޏެއް ސާބިތުކޮށް، އެ ދަރަނި އަދާކުރުމަށް ކޯޓުން ޙުކުމް ކޮށްފައިވާގޮތާ އެއްގޮތަށް އެ ދަރަންޏެއް ނުވަތަ އެ ދަރަންޏެއްގެ ބައެއް އެ ކުންފުންޏަކުން ދައްކާފައި ނުވުމުންނެވެ.

ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 79 ވަނަ މާއްދާގައި ބަޔާން ކުރަނީ ކުންފުނި ލިކުއިޑޭޓްކުރުމަށް ހަވާލުކޮށްފައިވާ މީހާގެ ނުވަތަ މީހުންގެ ޢަމަލު ތަކާމެދު، އެ ކުންފުންޏަށް ދަރަންޏެއްގެ ގޮތުގައި މުދަލެއް ނުވަތަ ފައިސާއެއް ދޫކޮށްފައިވާ ފަރާތަކުން (ކުންފުނީގެ ކްރެޑިޓަރަކު) ރަޖިސްޓްރާރ އޮފް ކޮމްޕެނީޒަށް ޝަކުވާއެއް ހުށަހަޅައިފިނަމަ އެ ޝަކުވާއަކާ ގުޅޭ މައްސަލައެއް ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް ބަލައި، ކުންފުނި އުވާލުމުގެ މަސައްކަތް ކުރުމަށް ހަވާލު ކޮށްފައިވާ މީހާގެ ނުވަތަ މީހުންގެ ޢަމަލުތައް ހުންނަނީ އެކަށީގެން ނުވާ ގޮތަކަށް ކަމަށް ރަޖިސްޓްރާރ އޮފް ކޮމްޕެނީޒަށް ފެނިއްޖެނަމަ އެ ކުންފުންޏެއް އުވާލުމުގެ މަސައްކަތް ކުރުމަށް އެ ކުންފުންޏަކުން ޢައްޔަނު ކޮށްފައިވާ މީހާ ނުވަތަ މީހުން، އެ މަސައްކަތުން ވަކިކޮށް، އެ ކުންފުންޏެއް އުވާލުމުގެ މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކުންފުންޏަކަށް އެންގުމުގެ އިޚްތިޔާރު ރަޖިސްޓްރާރ އޮފް ކޮމްޕެނީޒަށް ލިބިގެންވާކަމަށެވެ.

ކުންފުންޏެއް އުވާލުމަށް ޢައްޔަނުކޮށްފައިވާ ލިކުއިޑޭޓަރުގެ މަސްއޫލިއްޔަތުގެ ތެރޭގައި ކުންފުނީގައި ހުރި ފައިސާއާއި ކުންފުންޏަށް ލިބޭ ފައިސާއާއި ކުންފުނީގެ މުދާ ވިއްކައިގެން ލިބޭ ފައިސާއިން ކުންފުނީގެ ކްރެޑިޓަރުންނަށް ދަރަނި އަދާކުރުން ހިމެނެއެވެ. އަދި ކުންފުނީގެ ދަރަނިތައް އަދާކުރުމަށް ފަހު މެނުވީ ކުންފުނީގެ އެއްވެސް ފައިސާއެއް ކުންފުނީގެ މެންބަރުންގެ މެދުގައި ނުބެހޭނެއެވެ.

ޢާންމު އުޞޫލަކީ ކުންފުނީގެ ޑިރެކްޓަރުންގެ ފަރާތުން ކުންފުނީގެ މައްޗަށް އޮންނަ ފިޑިއުޝަރީ ޑިއުޓީ އޮންނާނީ ހަމައެކަނި ކުންފުނީގެ މަޞްލަޙަތުގައި ކަމުގައިވިއަސް، ތަފާތު ޖޫރިންޑިކްޝަންތަކުގެ ކޯޓުތަކުން ނިންމާފައިވާ ޤަޟިއްޔާތަކަށް ބެލުމުން އެނގެނީ ކުންފުނި އިންސޮލްވަންޓް (ދަރަނިވެރި) ވެއްޖެ ހާލަތުގައި، ޑިރެކްޓަރުންގެ ފަރާތުން ކުންފުނީގެ މައްޗަށް އޮންނަ ފިޑިއުޝިއަރީ ޑިއުޓީގެ މަފްހޫމް ފުޅާވެ ކުންފުނީގެ މަޞްލަޙަތުގެ ތެރޭގައި ކުންފުނީގެ މެންބަރުންނާއި ކްރެޑިޓަރުންވެސް ހިމެނޭކަމެވެ.

އިނގިރޭސިވިލާތުގެ ހައުސް އޮފް ލޯޑްސް އިން 1987 ވަނަ އަހަރު ނިންމި، ވިންކްވަތް ވ. އެޑްވަޑް ބެރަން ޑިވެލޮޕްމަންޓް ކޯ ލިމިޓެޑް [1987] 1 ALL ER 114 ޤަޟިއްޔާގައި ބަޔާންކުރަނީ ކޮންމެ ކުންފުންޏެއްގެ ކްރެޑިޓަރުންގެ މައްޗަށް އެ ކުންފުންޏަކުން އަދާކުރަންޖެހޭ ޒިންމާ އެއް އޮންނާނެކަމަށެވެ. އެ ޒިންމާއަކީ ކުންފުނީގެ މުދާ އެ ކުންފުނީގެ ދަރަނި އަދާކުރުމަށް ރައްކާތެރިކަމާއެކު އަދި ދަރަނި އަދާކުރެވޭ ހާލަތުގައި ބެހެއްޓުމުގެ ޒިންމާއެވެ. ލޯޑް ޓެމްޕްލެމަން (Lord Templeman) ވިދާޅުވަނީ:

“[A] company owes a duty to its creditors, present and future. The company is not bound to pay off every debt as soon as it is incurred, and the company is not obliged to avoid all venture which involve an element of risk, but the company owes a duty to its creditors to keep its property inviolate and available for the repayment of its debts. The conscience of the company, as well as its management, is confided to its directors. A duty is owed by the directors to the company and to the creditors of the company to ensure that the affairs of the company are properly administered and that its property is not dissipated or exploited for the benefit of the directors themselves to the prejudice of the creditors. …”

ސިންގަޕޫރުގެ ކޯޓް އޮފް އެޕީލް އިން 2010 ވަނަ އަހަރު ނިންމި ލިކުއިޑޭޓަރސް އޮފް ޕްރޮޖެން އިންޖިނިއަރިންގް ޕްރައިވެޓް ލިމިޓެޑް ވ. ޕްރޮޖެން ހޯލްޑިންގްސް ލިމިޓެޑް [2010] 4 SLR 1089 ގައި ބަޔާންކުރަނީ ދަރަނިވެރިވާނެކަން ނުވަތަ ދަރަނިވެރިވެފައިވާ ކުންފުނިތަކުގެ ކްރެޑިޓަރުންގެ މައްޗަށް އެ ކުންފުނިތަކުގެ ޑިރަކްޓަރުންގެ ފަރާތުން ފިޑިއުޝިއަރީ ޑިއުޓީ އޮންނާނެކަން އެއީ ބަލައިގަނެ ތަރުތީބުކުރެވިފައިވާ ޤާނޫނު ކަމަށެވެ. މި ޤަޟިއްޔާގެ 48 ވަނަ ފެރެގްރާފްގައި ބަޔާންކުރަނީ:

“… it is now also settled law that when a company is insolvent, or even in a parlous financial position, directors have a fiduciary duty to take into account the interest of the company’s creditors when making decisions for the company. This fiduciary duty requires directors to ensure that the company’s assets are not dissipated or exploited for their own benefit to the prejudice of creditors’ interest.”

އިނގިރޭސިވިލާތުގެ ސުޕްރީމް ކޯޓުން 2022 ވަނަ އަހަރު އޮކްޓޫބަރުގައި ނިންމި، ބީޓީއައި 2014 އެލްއެލްސީ ވ. ސިކުއާނާ އެސްއޭ އެންޑް އަދާސް ޤަޟިއްޔާގައި ބަޔާންކުރަނީ ކުންފުނީގެ ޑިރެކްޓަރުންގެ މައްޗަށް އޮންނަ ހެޔޮ ނިޔަތުގައި (good faith) ކުންފުނީގެ މަޞްލަޙަތުގައި މަސައްކަތްކުރުމުގެ ފިޑިއުޝަރީ ޑިއުޓީ ކުންފުނި ދަރަނިވެރިވާ (އިންސޮލްވަންޓް) ޙާލަތުގައި ކުންފުނީގެ ކްރެޑިޓަރުންގެ މައްޗަށްވެސް އޮންނާނެކަމަށެވެ. ލޯޑް ރީޑް (Lord Reed) ވިދާޅުވަނީ:

“[W]here the company is insolvent or, according to some authorities, is at some earlier point in the decline of its fortunes, it has been said that the duty to act in the interests of the company should not be interpreted as a duty to act in the interests of the members as a whole, but should instead be understood as a duty to act in the interests of the company’s creditors as a whole, or as a duty to take the creditors’ interests into account together with those of the members.”

ކުންފުނީގެ ކްރެޑިޓަރުންގެ މަޞްލަޙަތު ޙިމާޔަތް ކުރުމަކީ ޑިރެކްޓަރުންގެ ފިޑިއުޝަރީ ޑިއުޓީއާ ވަކިން އުފެދޭ ޒިންމާއެއް ނޫނެވެ. މިއީ ޑިރެކްޓަރުންގެ މައްޗަށް އޮންނަ ކުންފުނީގެ މަޞްލަޙަތުގައި މަސައްކަތް ކުރުމަށް ޤާނޫނު މަތިކުރާ ފިޑިއުޝަރީ ޑިއުޓީގެ ތެރޭގައި ހިމެނޭ ޒިންމާއެކެވެ. މި އުޞޫލް ބަޔާން ކޮށްދެއްވަމުން މަތީގައި ބަޔާންކުރި ބީޓީއައި 2014 އެލްއެލްސީ ވ. ސިކުއާނާ އެސްއޭ އެންޑް އަދާސް ޤަޟިއްޔާ ރިޕޯޓްގެ 11 ވަނަ ޕެރެގްރާފްގައި ލޯޑް ރީޑް (Lord Reed) ވިދާޅުވަނީ:

“The effect of the rule is to require the directors to consider the interest of creditors along with those of members. The weight to be given to their interest, insofar as they may conflict with those of the members, will increase as the company’s financial problems become increasingly serious. Where insolvent liquidation or administration is inevitable, the interest of the members seems to bear any weight, and the rule consequently requires the company’s interest to be treated as equivalent to the interest of its creditors as a whole.”

ނިންމަން ފެންނަގޮތް

ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު އަށާއި މި ރައުޔުގައި އަހުރެން ފާހަގަކުރި ކަންކަމަށާއި މަތީގައި ބަޔާންކުރި އިނގިރޭސި ވިލާތުގެ ކުންފުންޏާބެހޭ ޤާނޫނީ މަފްހޫމްތަކަށް ރިޢާޔަތްކުރާއިރު އަންނަނިވި ޕެރެގްރާފްތަކުގައި ބަޔާންކުރާގޮތަށް މި މައްސަލަ ނިންމަން އަހުރެންނަށް ފެނެއެވެ.

މަދަނީ ކޮންމެ މައްސަލައެއް ނިންމުގައިވެސް، އެ މައްސަލައިގައި ހިމެނޭ ޚަޞްމުންގެ ޙައްޤުތައް އެންމެ ފުރިހަމަޔަށް ހިމާޔަތްކުރެވޭނެ ގޮތަކާމެދު މައްސަލަ ބަލާ ފަނޑިޔާރު ވިސްނަންޖެހޭނެއެވެ. ހަމަ މިޔާއެކު ރައްޔިތުންގެ މަޖިލީހުން ހަދާފައިވާ ޤާނޫނެއްގެ މައްޗަށް އަރައި އެ ޤާނޫނުގައި ނުހިމެނޭ އިތުރު ގޮތްތަކެއް ކިޔައިގެންވެސް ނުވާނެއެވެ. މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގައި ޤާނޫނު މާނަކުރުމުގައި ޢަމަލުކުރަންވީ މައިގަނޑު ހަތަރު އުޞޫލެއް ކަނޑައަޅުއްވާފައިވެއެވެ. ފުރަތަމަ އުޞޫލަކީ، ޢާންމު މާނައަށް ބެލުމުގެ އުޞޫލެވެ. ދެވަނަ އުޞޫލަކީ، ޙައްލު ހޯދައިދިނުމުގެ އުޞޫލެވެ. ތިންވަނަ އުޞޫލަކީ، ޚާއްޞަ މާނަދިނުމުގެ އުޞޫލެވެ. އަދި ހަތަރުވަނަ އުޞޫލަކީ، މަޤްޞަދަށް ބެލުމުގެ އުޞޫލެވެ. މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 7 ވަނަ މާއްދާގައި ބަޔާންކުރަނީ އެ ޤާނޫނުގައި ބަޔާންކޮށްފައިވާ އުޞޫލުތަކުގެ ތެރެއިން ޝަރީޢަތުގެ ކުރިމަތީގައިވާ ޙާލަތުގައި ޢަދުލު އިންޞާފު ޤާއިމުކުރުމަށް ބޭނުން ކުރަންޖެހޭނީ، އޭގެތެރެއިން ކޮން އުޞޫލެއްކަން ކަނޑައަޅައި، އެ އުޞޫލަކާ އެއްގޮތަށް ކަމަށެވެ. އަދި މިއީ ފަނޑިޔާރަށް ލިބިގެންވާ އިޚްތިޔާރީ ބާރެއްކަމަށެވެ.

އޭއައިއެސް ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި "އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމު" ގެ 8 ވަނަ ނަންބަރު - އިސްތުއުނާފު ކުރުމުގެ ހުއްދައަށް އެދޭ ފަރާތުން އެދޭގޮތް (ވަގުތީ އަމުރެއް ނެރެން ބޭނުންވާނަމަ، ވަގުތީ އަމުރަށް އެދޭ ފޯމު ފުރިހަމަކުރުމަށް) ގައި ތިންކަމަކަށް ވަރަށް ސާފުބަހުން އެދިފައިވެއެވެ. އެ 03 (ތިނެއް) ކަމަކީ: (1) ހައިކޯޓުން މައްސަލަ ނިންމަވާފައިވަނީ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގެ ދަށުން ލިބިގެންވާ އިސްތިއުނާފުކުރުމުގެ ޙައްޤުގެ ދަށުން ޙާޞިލްކުރަން ބޭނުންވާ މަޤްޞަދު ނަފީވާ ގޮތަށް މައްސަލައިގެ މައުޟޫޢުގައި ހުށަހަޅާފައިވާ ކަންކަމަށް ރިޢާޔަތްކުރުމެއްނެތި ކަމަށް ކަނޑައަޅައިދިނުން؛ (2) އޭޝިޔާ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް އުވާލާފައި ނުވަނީ ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 93 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ކަމަށް ކަނޑައަޅައިދިނުން؛ އަދި (3) ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 93 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާހެން އޭޝިޔާ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް އުވާލުމަށް ދައުލަތުގެ މައްޗަށް އަމުރުކޮށް ދިނުމަށެވެ.

އޭއައިއެސް ގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި "އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމު" އަށާއި ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި "މައްސަލައިގެ ޖަވާބު ފޯމު" އަށާއި ދެފަރާތުން ސުޕްރީމް ކޯޓުގައި ދެއްކި ވާހަކަތަކަށާއި ހުށަހެޅި ލިޔެކިއުންތަކަށާއި އޭއައިއެސް އިން ސުޕްރީމް ކޯޓުގައި އެދުނު 03 (ތިނެއް) ކަމުގެ މައްޗަށް އަހުރެން ރިޢާޔަތް ކުރާއިރު ސުޕްރީމް ކޯޓުގެ ކުރިމަތީގައި އޮތް ދެ ސުވާލާމެދު އަހުރެން ދެކޭގޮތް ތިރީގައި ބަޔާންކުރާނަމެވެ.

ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 96/10) ގެ ދަށުން ކުންފުންޏެއް ލިކުއިޑޭޓްކުރުމަށް ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަ ކުރުމަށްފަހު، އެ ކުންފުނި ލިކުއިޑޭޓްކުރުމަށް ރެޖިސްޓްރާރ އޮފް ކޮމްޕެނީޒްއަށް ހުށަހަޅާ ތާރީޚުން ފެށިގެން 14 ދުވަހުގެ ތެރޭގައި އެ ކުންފުނި އުވާލުމަކީ، އެއްވެސް އިޚްތިޔާރެއް ނެތި ރެޖިސްޓްރާރ އޮފް ކޮމްޕެނީޒްގެ މައްޗަށް އޮތް ވާޖިބެއްކަމަށް ބުނެ އުފައްދާ ސުވާލު

އޭއައިއެސްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި އެ ކޯޓުގެ ނަންބަރު 3002/Cv-C/2017 ޤަޟިއްޔާގައި ކުރި ދަޢުވާއަކީ ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ކުންފުންޏެއް ލިކުއިޑޭޓްކުރުމަށް ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަ ކުރުމަށްފަހު، އެ ކުންފުނި ލިކުއިޑޭޓްކުރުމަށް ރެޖިސްޓްރާރ އޮފް ކޮމްޕެނީޒްއަށް ހުށަހަޅާ ތާރީޚުން ފެށިގެން 14 ދުވަހުގެ ތެރޭގައި އެ ކުންފުންޏެއް އުވާލަންޖެހޭނެކަމަށް ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 93 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައި އޮތަތީ އޭޝިޔާ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑްގެ ލިކުއިޑޭޓަރުގެ ހައިސިއްޔަތުން އޭއައިއެސްއިން އޭޝިޔާ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް އުވާލުމަށް އެދި ރެޖިސްޓްރާރ އޮފް ކޮމްޕެނީޒްއަށް ލިޔެކިއުންތައް ހުށަހަޅާ ދުވަހުން ފެށިގެން 14 ދުވަހުގެ ތެރޭގައި އެ ކުންފުނި އުވާލުމަކީ ރެޖިސްޓްރާރ އޮފް ކޮމްޕެނީޒްގެ މައްޗަށް އޮތް ވާޖިބެއް ކަމަށާއި މި ޙާލަތުގައި ކުންފުނި އުވާނުލުމުގެ ބާރަކީ ރެޖިސްޓްރާރ އޮފް ކޮމްޕެނީޒްއަށް ލިބިގެންވާ އިޚްތިޔާރީ ބާރެއް ނޫންކަމަށް ބުނެ އޭޝިޔާ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް އުވާލުމުގެ އަމުރެއް ރަޖިސްޓްރާރ އޮފް ކޮމްޕެނީޒްގެ މައްޗަށް އެ ކޯޓުން ކޮށްދިނުމެވެ.

އޭއައިއެސްގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 3002/Cv-C/2017 ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމުގައި ފާހަގަކޮށްފައިވަނީ އެންމެ ނުކުތާއެކެވެ. އެ ނުކުތާގައި ބަޔާން ކުރަނީ ސިވިލް ކޯޓުގެ ނިންމުމަކީ ކުންފުންޏާބެހޭ ޤާނޫނުގެ 93 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން އެ ޤާނޫނުގެ 76 ވަނަ މާއްދާގެ (ނ) އާއި 82 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތްކުރުމަކާއި ނުލައި މައްސަލަ ނިންމާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. މި ނުކުތާއަށް ހައިކޯޓުން ގޮތެއް ކަނޑައަޅާފައެއް ނުވެއެވެ.

ހައިކޯޓަށް ހުށަހެޅުނު އިސްތިއުނާފީ ނުކުތާއާމެދު އެކޯޓުން މައުޟޫޢީ ގޮތުން ނިންމުމެއް ނިންމާފައިނުވާތީ، ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ކުންފުންޏެއް ލިކުއިޑޭޓްކުރުމަށް ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަ ކުރުމަށްފަހު، އެ ކުންފުނި ލިކުއިޑޭޓްކުރުމަށް ރެޖިސްޓްރާރ އޮފް ކޮމްޕެނީޒްއަށް ހުށަހަޅާ ތާރީޚުން ފެށިގެން 14 (ސާދަ) ދުވަހުގެ ތެރޭގައި އެ ކުންފުނި އުވާލުމަކީ، އެއްވެސް އިޚްތިޔާރެއް ނެތި ރެޖިސްޓްރާރ އޮފް ކޮމްޕެނީޒްގެ މައްޗަށް އޮތް ވާޖިބެއްކަން ނުވަތަ ނޫންކަމާމެދު މައުޟޫޢީގޮތެއް ހައިކޯޓުން ގޮތެއް ނިންމުމުގެ ކުރިން ސުޕްރީމް ކޯޓުން ގޮތެއް ކަނޑައެޅުމަކީ އެންމެ ރަނގަޅު ގޮތްކަމަކަށް އަހުރެން ނުދެކެމެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/145 ޤަޟިއްޔާގެ ޙުކުމުގެ ސަބަބުން ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއިން އޭއައިއެސްއަށް ލިބިދޭ އިސްތިއުނާފު ކުރުމުގެ ޙައްޤަށް އުނިކަމެއް އައިސްފައިވޭތޯ ބެލުމުގެ ސުވާލު

ސިވިލް ކޯޓުގެ ނަންބަރު 1215/Cv-C/2017 ޤަޟިއްޔާއަކީ އޭޝިޔާ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑާއި މިނިސްޓްރީ އޮފް ޓޫރިޒަމާއި ދެމެދުގައި 05 މެއި 2005 ގައި ވެފައިވާ ކުލީގެ އެގްރީމަންޓްގެ ދަށުން ތ. ކަޅުފަހަލަފުށީގެ ކުލީގެ ގޮތުގައި 2009 ން 08 ފެބުރުވަރީ 2015 ގެ ނިޔަލަށް ދައްކަންޖެހޭ US$11,140,447.64 (އެގާރަމިލިއަން އެއްލައްކަ ސާޅީސްހާސް ހަތަރުސަތޭކަ ސާޅީސް ހަތެއް ޕޮއިންޓް ހައެއް ހަތަރެއް ޔޫއެސް ޑޮލަރު) އާއި ކުލި ދައްކަންޖެހޭ މުއްދަތުގައި ކުލި ނުދެއްކުމުން އަރާ ޖޫރިމަނާއާއި އިންޓަރެސްޓްގެ ގޮތުގައި 27 މާރިޗު 2018 މި ތާރީޚުގެ ނިޔަލަށް އަރާފައިވާ US$11,323,963.88 (އެގާރަމިލިއަން ތިންލައްކަ ތޭވީސްހާސް ނުވަސަތޭކަ ފަސްދޮޅަސް ތިނެއް ޕޮއިންޓް އަށެއް އަށެއް ޔޫއެސް ޑޮލަރު) އާއި އެކު ޖުމްލަ US$22,464,411.52 (ބާވީސްމިލިއަން ހަތަރުލައްކަ ފަސްދޮޅަސް ހަތަރުހާސް ހަތަރުސަތޭކަ އެގާރަ ޕޮއިންޓް ފަހެއް ދޭއް ޔޫއެސް ޑޮލަރު) ދައްކާ ޚަލާޞްކުރުމާ ހަމަޔަށް އަރަމުންދާ ޖޫރިމަނާއާއި އިންޓަރެސްޓްގެ ފައިސާ ދައުލަތަށް ލިބިދިނުމަށް އެދި އޭޝިޔާ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ދައުލަތުން ކުރި ދަޢުވާއެކެވެ.

ޝަރީޢަތަށް ހުށަހެޅިފައިވާ މައްސަލައެއްގައި ޝަރީޢަތުން ވަކިގޮތެއް ކަނޑައެޅުމުގެ ކުރިން އެ ނިންމުމަށް އަސަރުކުރާ ފަދަ ގޮތަކަށް ކުރާ ކޮންމެ ޢަމަލަކީ ނުވަތަ ނިންމާ ނިންމުމަކީ އޭގެ ޒާތުގައި ބާޠިލު ކަމެއްކަމަށާއި މި ބާވަތުގެ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަނީ 2012 އަހަރު އަމުރު ކުރައްވާފައެވެ. މި އަމުރަށް ރިޢާޔަތްކޮށް ހައިކޯޓުގެ ނަންބަރު 2019/HC-A/145 ޤަޟިއްޔާ ނިންމާފައިވަނީ ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 93 ވަނަ މާއްދާގެ (ހ) ގައި ވާގޮތުގެ މަތިން އެ ޤާނޫނުގެ 76 ވަނަ މާއްދާގެ (ނ) އަދި އެ ޤާނޫނުގެ 82 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ކަންކަމަށް ރިޢާޔަތްކުރުމެއް ނެތި މައްސަލަ ނިންމަވާފައިވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއަށް ދިވެހިރާއްޖޭގެ ހައިކޯޓުން މިހިނދުގައި ރިޢާޔާށްކުރަންޖެހޭ ބޭނުމެއް އޮތްކަމުގައި ނުދެކޭ ކަމަށެވެ.

ހައިކޯޓުގެ ނަންބަރު 2019/HC-A/145 ޤަޟިއްޔާގެ ނިންމުމުގައި ވަނީ، ސިވިލް ކޯޓުގެ ނަންބަރު 3002/Cv-C/2017 ޤަޟިއްޔާ އެ ކޯޓަށް ހުށަހެޅުމުގެ 06 (ހައެއް) މަސްދުވަސް ކުރިން ދައުލަތުން ސިވިލް ކޯޓަށް ހުށަހެޅި އެ ކޯޓުގެ ނަންބަރު 1215/Cv-C/2017 ޤަޟިއްޔާއަށް ހައިކޯޓުގެ ނަންބަރު 2019/HC-A/145 ޤަޟިއްޔާ ނިމޭ ގޮތަކުން އަސަރުކުރުމުގެ ފުރުޞަތު އޮތަތީއާއި، އަދި އޭޝިޔާ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް އުވާލުމަށް އަމުރެއްކޮށްފިނަމަ ސިވިލް ކޯޓުގެ ނަންބަރު 1215/Cv-C/2017 ޤަޟިއްޔާގައި ހޯދުމަށް އެދިފައިވާ ފައިސާ ހޯދުމަށް އަސަރުކުރާނެކަމުގެ ފުރުޞަތުވެސް އޮތަތީ، އޭއައިއެސްގެ ފަރާތުން ފާހަގަކުރި ނުކުތާއަށް ހައިކޯޓުން މިހިނދުގައި ރިޢާޔަތްކުރަންޖެހޭ ބޭނުމެއް ނެތް ކަމަށެވެ. ހައިކޯޓުގެ އެ ނިންމުން ބިނާކުރި އަސާސަކީ މަތީގައިވާ ޕެރެގްރާފް 06 (ހައެއް) ގައި ބަޔާންކޮށްފައިވާ ސުޕްރީމް ކޯޓުގެ ނަންބަރު2012/SC-SJ/05 ކޯޓު އަމުރެވެ.

ހައިކޯޓުގެ މި ނިންމުމުގެ ނަތީޖާއަކަށްވާނީ ދައުލަތުން އޭޝިޔާ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ސިވިލް ކޯޓަށް ހުށަހެޅި ފައިސާ ހޯދުމުގެ މައްސަލަ އާމެދު ޝަރީޢަތުން ވަކިގޮތެއް ކަނޑައެޅުމުގެ ކުރިން ހައިކޯޓުގެ ނަންބަރު 2019/HC-A/145 ޤަޟިއްޔާއިން އޭޝިޔާ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް އުވާލުމަށް ނިންމައިފިނަމަ ސިވިލް ކޯޓުގެ ނަންބަރު 1215/Cv-C/2017 ޤަޟިއްޔާގެ ނިންމުން ތަންފީޒުކުރުމަށް އަސަރުކުރާނެތީ އޭއައިއެސްއިން ހައިކޯޓުގައި އިސްތިއުނާފު ކުރި ސިވިލް ކޯޓުގެ ނަންބަރު 3002/Cv-C/2017 ޤަޟިއްޔާގެ އިސްތިއުނާފު ވަގުތީގޮތުން މަޑުޖެހިގެން ދިއުމެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމުގައި، "މިހިނދުގައި ރިޢާޔަތްކުރަންޖެހޭ ބޭނުމެއް އޮތްކަމުގައި ނުދެކެމެވެ." މިފަދައިން ބުނާބުނުމުގެ މާނައަކީ ސިވިލް ކޯޓުގެ ނަންބަރު 1215/Cv-C/2017 ޤަޟިއްޔާ ޝަރުޢީ ނިޒާމުގެ ތެރެއިން ނިމި އެ ޤަޟިއްޔާ ނިހާއީވުމުން، ސިވިލް ކޯޓުގެ ނަންބަރު 3002/Cv-C/2017 ޤަޟިއްޔާ އަލުން ހައިކޯޓުގައި އިސްތިއުނާފު ކުރެވިދާނެކަމަށް އެ ކޯޓުން ދެކުން ކަމަށް އަހުރެން ދެކެމެވެ.

ހައިކޯޓުގެ ނަންބަރު 2019/HC-A/145 ޤަޟިއްޔާގެ ނިންމުމަށް ބަލާއިރު ސިވިލް ކޯޓުގެ ނަންބަރު 3002/Cv-C/2017 ޤަޟިއްޔާ ހައިކޯޓުގައި ދެވަނަ ފަހަރަށް އިސްތިއުނާފު ކުރުމުގެ ފުރުޞަތު އޭއައިއެސްއަށް އޮތެވެ. މި ފުރުޞަތުގެ ބޭނުން ހިފުމަށް މަޑުކުރުމުގެ ބަދަލުގައި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރީއެވެ. އަދި ޕެރެގްރާފް 2 ގައި ބަޔާންކުރި ގޮތަށް އޭއައިއެސް އިން އެދިފައިވަނީ ރެޖިސްޓްރާރ އޮފް ކޮމްޕެނީޒްގެ ޢަމަލު ޤާނޫނާ ޚިލާފުކަމަށް ކަނޑައަޅައި ދިނުމަށާއި އޭޝިޔާ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް އުވާލުމުގެ އަމުރެއް ދައުލަތުގެ މައްޗަށް ކޮށްދިނުމަށެވެ.

މިކަންކަމަށް ބަލާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/145 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމުގެ ސަބަބުން ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއިން އޭއައިއެސްއަށް ލިބިދޭ އިސްތިއުނާފު ކުރުމުގެ ޙައްޤަށް އުނިކަމެއް އައިސްފައިވާކަމަކަށް އަހުރެން ނުދެކެމެވެ.

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު

މި މައްސަލައިގައި ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައިވަނީ 1 (އެކެއް) ޤާނޫނީ ނުކުތާއެވެ. އެއީ، ހައިކޯޓުގެ ނިންމުމަކީ އޭއައިއެސް އަށް ލިބިގެންވާ އިސްތިއުނާފު ކުރުމުގެ ޙައްޤު ނަފީވާގޮތަށް ނިންމާފައިވާ ނިންމުމެއް ކަމުގައި ބުނެ ހުށަހަޅާފައިވާ ނުކުތާއެވެ. އުއްތަމަފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔުގައި މި މައްސަލައިގައި ސުޕްރީމް ކޯޓުގެ ކުރިމަތީގައި އޮތީ 02 (ދޭއް) ސުވާލުކަމުގައި ފާހަގަކުރައްވާފައިވާ ކުރެއްވުމަށް ބަލާއިރު، އެ ދެ ސުވާލުގެ ތެރެއިން ފުރަތަމަ ސުވާލު ވުޖޫދުވަނީ އޭއައިއެސްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފީ ނުކުތާ ތަފްސީލުކޮށްދިނުމުގެ ތެރޭގައި، އެކުންފުނީގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުގެ ތެރެއިން ކަމުގައި އަހުރެން ދެކެމެވެ.

ބުނެވުނު ދެ ސުވާލުގެ ތެރެއިން ދެވަނަ ސުވާލަކީ ސީދާ އިސްތިއުނާފީ ނުކުތާއާ ގުޅޭ ސުވާލެވެ. އަދި މިއީ ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމުގައި އޭއައިއެސްގެ ފަރާތުން ހުށަހެޅި ސުވާލަށް އެކޯޓުގެ ނަންބަރު 2019/HC-A/145 ޤަޟިއްޔާ އިން ޖަވާބު ލިބިފައިނުވާތީ އެ ކުންފުނިން ކުރިމަތިކޮށްފައިވާ ސުވާލެކެވެ.

އޭއައިއެސްގެ ފަރާތުން މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމުގައި ފާހަގަކޮށްފައިވަނީ އެންމެ އިސްތިއުނާފީ ނުކުތާއެކެވެ. އެއީ ސިވިލް ކޯޓުގެ ނިންމުމަކީ ކުންފުންޏާބެހޭ ޤާނޫނުގެ 93 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން އެ ޤާނޫނުގެ 76 ވަނަ މާއްދާގެ (ނ) އާއި 82 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތްކުރުމަކާއި ނުލައި މައްސަލަ ނިންމާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

މިފަދައިން ހައިކޯޓަށް މައްސަލަ ހުށަހަޅާފައި އޮތްހިނދު، ސިވިލް ކޯޓުގެ ނިންމުން އިސްތިއުނާފު ކުރިއިރު ހުށަހަޅާފައިވާ ބުނެވުނު ސުވާލަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/145 ޤަޟިއްޔާ އިން ނިންމި ނިންމުމުގައި، ސަބަބުތައް ބަޔާންކުރުމަށްފަހު، ޖަވާބު ދީފައި ނުވެއެވެ. އޭއައިއެސްގެ ފަރާތުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމުގައި، ހައިކޯޓުގެ ނިންމުމަކީ އޭއައިއެސްއަށް ލިބިފައި އޮތް އިސްތިއުނާފުކުރުމުގެ ޙައްޤު ނަފީވާ ނިންމުމެއްކަމުގައި ބަޔާންކޮށްފައިވަނީ މި ސަބަބަށްޓަކައެވެ.

މި މައްސަލައިގައި ހުށަހަޅާފައި ބުނެވުނު އިސްތިއުނާފީ ނުކުތާ (ނުވަތަ އުއްތަމަ ފަނޑިޔާރު ފާހަގަކުރައްވާފައިވާ ސުޕްރީމް ކޯޓުގެ ކުރިމަތީގައި އޮތް ދެވަނަ ސުވާލު) އާމެދު އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން ފާޅުކުރައްވާފައިވާ ރައުޔަށް އަހުރެން ތާއީދުކުރަމެވެ. އަދި ކުންފުނިތައް ހިންގާ އެ ކުންފުނިތައް އުވާލެވޭ ގޮތާގުޅޭ ތަފްސީލީ އުސޫލުތަކެއް ދިވެހިރާއްޖެއަށް ނުހަނު ބޭނުންވެފައިވާކަން އަހުރެން ޤަބޫލުކުރާހިނދު، މައްސަލައިގެ ހަޤީޤަތްތަކާއި ދަށުކޯޓުގެ ނިންމުމާއެކު މައުލޫއަށް ގޮތް ކަނޑައަޅާދިނުން އެދި ހައިކޯޓަށް ދިއުމުގެ ފުރުސަތު އޭއައިއެސް އަށް އޮތުމުން، ކުންފުންޏެއް އުވާލުމުގައި ރާއްޖޭގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ކަންކަމާއި އެހެން ޤައުމުތަކުގައި އަމަލުކުރާގޮތް މި ހިނދުގައި ބަޔާންކުރުމަކީ އެންމެ އެކަށީގެވާ ގޮތްކަމުގައި އަހުރެން ނުދެކެމެވެ.

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު

މި މައްސަލައިގައި އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންކުރެވުނު ސަބަބުތައް އެހެން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/145 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލުގެންނަންޖެހޭ ސަބަބެއް ނެތްކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައިފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

ޢާއިޝާ ޝުޖޫން މުޙައްމަދުއަޙްމަދު މުޢުތަޞިމް ޢަދުނާންމުޙައްމަދު އިބްރާހީމް(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ