—
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ނ. ތޮޅެންދޫ ދިގު މުއްދަތަށް ކުއްޔަށް ދިނުމުގެ މަސައްކަތް މަޑުޖައްސާލުމަށް ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރު ދެމެހެއްޓުމަށް ހައިކޯޓުން ނިންމި ނިންމުމަކީ، ވަގުތީ އަމުރަށް އެދޭ ފަރާތަށް ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑުގޮތެއްގައި ޤާއިމުވާން ޖެހޭ އުޞޫލާއި، އިސްތިއުނާފީ މަރުޙަލާގައި އައު ނުކުތާ ހުށަހެޅުމުގެ އުޞޫލުތަކާ ޚިލާފު ނިންމުމެއްތޯ.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- 2022/HC-A/156
- ފަހުގެ ތާރީޚު
- —
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިހައިކޯޓުގެ 2022/HC-A/156 ޤަޟިއްޔާގެ ޙުކުމް ޤާއިމް (ސިވިލް ކޯޓުގެ 144-B8/VN/2022/01 ވަގުތީ އަމުރު ދެމެހެއްޓި). ނޯޓު: ދައުލަތުން ސިވިލް ކޯޓު މަރުޙަލާގައި ނުކުތާތައް ފާހަގަކޮށްފައިނުވާ ކަމަށް ހައިކޯޓުން ކަނޑައެޅުން ރަނގަޅު ނޫންކަމަށް ސުޕްރީމް ކޯޓުން ބުނެފައިވޭ (ޕެރ. 23) (އިއްތިފާޤުން)
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
ލާމަރުކަޒީ ޤާނޫނުގެ 1-8 ވަނަ މާއްދާގެ (ށ) ގެ ދަށުން ކައުންސިލާ މަޝްވަރާ ކުރުމުގެ ޝަރުޠު މުޅިން ފުރިހަމަވިކަމުގެ ސުވާލު ނުނިމެނީސް ފަޅުރަށް ތިންވަނަ ފަރާތަކަށް ކުއްޔަށް ދެވިއްޖެނަމަ، އެ މާއްދާއިން ޤާނޫނުން ޙިމާޔަތްކުރަން ގަސްދުކޮށްފައިވާ ޙައްޤު ގެއްލިގެން ދިއުމުގެ އިހުތިމާލު ފާޅުކަން ބޮޑުގޮތެއްގައި ފެންނަން އޮވެއެވެ؛ އެ ޙައްޤުގެ ވެރިފަރާތަކީ ކޮބައިކަން ކަނޑައެޅިގެންދާނީ މައުޟޫޢީ ގަޟިއްޔާގައިވާ ޤާނޫނީ ސުވާލުގެ ޖަވާބަށް ވާޞިލުވުމުންނެވެ. (ޕެރ. 19)
މައުޟޫޢީ މައްސަލައިގައި ދަޢުވާކުރުމުގެ ޤާނޫނީ މަރުކަޒު ކައުންސިލަށް ލިބިގެންވާ ފަދައިން، މައުޟޫޢީ މައްސަލައިގައި ގޮތެއް ކަނޑައެޅެންދެން އިހު އޮތް ޙާލަތު (status quo) އެގޮތުގައި ދެމެހެއްޓުމަށް އެދުމުގެ ޙައްޤުވެސް ކައުންސިލަށް ލިބިގެންވެއެވެ. (ޕެރ. 20)
ދަށު މަރުޙަލާގައި ފާހަގަކޮށްފައިވާ ކަންކަމަކީ އިސްތިއުނާފީ މަރުޙަލާގައި އައު ނުކުތާއެއް ކަމުގައި ނުބެލެވޭނެއެވެ؛ އެހެންކަމުން، ސިވިލް ކޯޓު މަރުޙަލާގައި ހުށަހަޅާފައިވާ ކަންކަން ހުށަހަޅާފައި ނުވާކަމަށް ހައިކޯޓުން ކަނޑައެޅުމަކީ ރަނގަޅު ކަނޑައެޅުމެއް ނޫނެވެ. (ޕެރ. 23–24)
ވަގުތީ އަމުރާމެދު ނިންމި ނިންމުމެއް އިސްތިއުނާފުކުރެވިފައިވާ މައްސަލައެއްގައި، މައުޟޫޢީ މައްސަލައިގެ ޤާނޫނީ ސުވާލާ ގުޅިފައިވާ ކަންތައްތަކާމެދު (ފަޅުރަށްތަކުގެ އިޚްތިޞާޞް ފަދަ) ސުޕްރީމް ކޯޓުން ގޮތެއް ކަނޑައެޅިދާނެ ކަމުގައި ނުދެކެމެވެ. (ޕެރ. 24)
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 1-8 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 1-8 ވަނަ މާއްދާގެ (ށ)
- ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 56-1 ވަނަ މާއްދާގެ (ހ)
ފަނޑިޔާރުން
- ބެންޗު
- ޢަލީ ރަޝީދު ޙުސައިން (ރިޔާސަތު)، ޢާއިޝާ ޝުޖޫން މުޙައްމަދު، މަޙާޒު ޢަލީ ޒާހިރު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢަލީ ރަޝީދު ޙުސައިން · ތާއީދުކުރެއްވީ: ޢާއިޝާ ޝުޖޫން މުޙައްމަދު، މަޙާޒު ޢަލީ ޒާހިރު
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު [2024] SC 03 2022/SC-A/69 ޝަރީޢަތް ނިމުނުގޮތް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ (ދިވެހި ދައުލަތް) ވ. މިލަދުންމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ ފަނޑިޔާރުންގެ މަޖިލިސް ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު
ނިމުނު ތާރީޚު 25 ޖަނަވަރީ 2024
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ 2022/HC-A/156 އިސްތިއުނާފު ރައްދުވާ ފަރާތް އިސްތިއުނާފުކުރާ ފަރާތް މިލަދުންމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ (ދިވެހި ދައުލަތް) ޤާނޫނީ ވަކީލު: ޤާނޫނީ ވަކީލު: އިސްމާޢީލް ވިޝާމް (ވިޝާމް، ޒާހިރު އެންޑް ކޯ އެލްއެލްޕީ)
މުޙައްމަދު ޒާހިރު (ވިޝާމް، ޒާހިރު އެންޑް ކޯ އެލްއެލްޕީ) ސްޓޭޓް އެޓަރނީ ޙައްމާދު ވާފިރު
ވަގުތީ އަމުރާމެދު ނިންމިގޮތް – ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 1-8 ވަނަ މާއްދާ – ފަޅުރަށްތައް ދިގު މުއްދަތަށް ކުއްޔަށް ދިނުން – ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ އިޚްތިޞާޞް
ފިހުރިސްތު
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ތާއީދު ކުރައްވާފައި) 1
ތަޢާރުފު 1
މައްސަލައިގައި ކަންހިނގާފައިވާ ގޮތް 1
ސިވިލް ކޯޓުގެ ވަގުތީ އަމުރު 3
ހައިކޯޓުން މައްސަލަ ނިންމިގޮތް 4
ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ނުކުތާތައް 5
އިސްތިއުނާފީ ފުރަތަމަ ނުކުތާ 6
އިސްތިއުނާފީ ދެވަނަ ނުކުތާ 8
މައްސަލަ ނިންމަން ފެންނަގޮތް 10
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު 10
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު 10
ޙުކުމް 10
` މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ (ދިވެހި ދައުލަތް) ވ. މިލަދުންމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ [2024] SC 03 ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ތާއީދު ކުރައްވާފައި) ތަޢާރުފު
1. މި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/156 ޤަޟިއްޔާގައި ވަގުތީ އަމުރެއް ނެރެދިނުމާމެދު ނިންމާފައިވާ ނިންމުމަކީ ޤާނޫނީ އުޞޫލުތަކާ ޚިލާފު ނިންމުމެއް ކަމަށް ބުނެ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ )މީގެ ފަހުން "މިނިސްޓްރީ" ނުވަތަ "އިސްތިއުނާފުކުރާ ފަރާތް") ގެ ފަރާތުން ސުޕްރީމް ކޯޓަށް އިސްތިއުނާފަށް ހުށަހެޅި މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ މިލަދުންމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ (މީގެ ފަހުން "ކައުންސިލް") އެވެ.
މައްސަލައިގައި ކަންހިނގާފައިވާ ގޮތް
2. 10 އޮގަސްޓު 2020 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވުނު އިކޮނޮމިކް ކައުންސިލްގެ ބައްދަލުވުމުގައި، އޯޕަން ބިޑިންގގެ އުޞޫލުން ދަނޑުވެރިކަމަށް ކުއްޔަށް ދޫކުރާނެ ރަށެއްގެ ގޮތުގައި މިލަދުންމަޑުލު ދެކުނުބުރީގައި އޮންނަ ރަށެއް ކަމުގައިވާ ނ. ތޮޅެންދޫ ހަމަޖައްސާފައިވާކަން އެ އޮފީހުގެ ސިޓީއިން1 މިނިސްޓްރީއަށް އަންގާފައިވެއެވެ.
3. މި ހުއްދަ ލިބުނުތާ 01 (އެކެއް) އަހަރަށްވުރެ ގިނަ ދުވަސްވީފަހުން، ނ. ތޮޅެންދޫ ކުއްޔަށް ދޫކުރުމަށްޓަކައި މިލަދުންމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލް (މީގެ ފަހުން "ނ. އަތޮޅު ކައުންސިލް" ނުވަތަ "ކައުންސިލް") ގެ ބަހެއް ހޯދުމުގެ މަޤްޞަދުގައި މިނިސްޓްރީ އިން އެ ކައުންސިލްގެ އިދާރާއަށް ސިޓީއެއް2 ފޮނުވާފައިވެއެވެ. މި ސިޓީގެ ޖަވާބުގައި ޤަރާރެއް3 ފާސްކޮށް، ނ. ތޮޅެންދޫ ކުއްޔަށް ދޫކުރުމަށް އެ ކައުންސިލުން އިޢުތިރާޟުކުރާކަން މިނިސްޓްރީއަށް އަންގާފައިވެއެވެ.
4. އެހެންނަމަވެސް، ދަނޑުވެރިކަމުގެ ސިޔާސަތުތައް ތަންފީޛުކުރުމަކީ ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނިފައިވާ ކަމަކަށް ވުމުންނާއި، ނ. ތޮޅެންދޫއަކީ އެ އަތޮޅުގެ އެއްވެސް ރަށެއްގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނިފައިވާ ރަށަކަށް ނުވާކަމުގައި ބަލައި، އެ ރަށް ހިމެނޭހެން 05 (ފަހެއް) ރަށެއް، ބީލަމުގެ އުޞޫލުން 21 (އެކާވީސް) އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށްޓަކައި މިނިސްޓްރީ އިން އިޢުލާނުކޮށްފައިވެއެވެ.4
5. ނ. ތޮޅެންދޫ ދިގު މުއްދަތަކަށް ކުއްޔަށް ދިނުމަށް ބީލަމުގެ ކަންކަން ކުރިއަށްދަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު5 (މީގެ ފަހުން "ލާމަރުކަޒީ ޤާނޫނު") ގެ 8-1 ވަނަ މާއްދާގެ (ށ) އަދި (ބ) އަށް ބެލުމެއް ނެތި، އެ މާއްދާތަކުގެ ރޫޙާ ޚިލާފަށްކަމަށް ކަނޑައަޅައި ދިނުމަށާއި، ބަޔާންވެދިޔަ އިޢުލާނުގެ ދަށުން ރަށްތައް ޙަވާލުކުރުމަށް ކުރާ މަސައްކަތް އެގޮތަށް ކުރިއަށް ނުގެންދެވޭނެކަމަށް ކަނޑައަޅައިދިނުމަށް އެދި ކައުންސިލްގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވެއެވެ. އަދި ސިވިލް ކޯޓުގެ ގަޟިއްޔާގައި ޝަރީޢަތުން ޙުކުމެއް ކުރަންދެން ނ. ތޮޅެންދޫ ކުއްޔަށް ދިނުމުގެ ކަންކަން މަޑުޖައްސައިދިނުމަށް ކައުންސިލްގެ ފަރާތުން ސިވިލް ކޯޓުގައި އެދިފައިވެއެވެ.
ސިވިލް ކޯޓުގެ ވަގުތީ އަމުރު
6. ސިވިލް ކޯޓަށް މައުޟޫޢީ މައްސަލަ ހުށަހަޅާފައިވާ އެކޯޓުގެ ނަންބަރު 962/Cv-C/2022 ގަޟިއްޔާގައި ޝަރީޢަތުން ވަކިގޮތެއް ކަނޑައެޅުމާ ހަމައަށް، ނުވަތަ ޝަރީޢަތުން އެހެން ގޮތަކަށް ކަނޑައަޅަންދެން، ނ. ތޮޅެންދޫ ދިގު މުއްދަތަކަށް ކުއްޔަށް ދޫކުރުމަށް ކުރަމުންދާ މަސައްކަތް މަޑުޖައްސާލުމަށާއި، ރަށް އެވޯޑް ކުރުމުގެ އެއްވެސް މަސައްކަތެއް ނުކުރުމަށާއި، އެހެން ފަރާތެއްގެ މަސްލަޙަތެއް ނ. ތޮޅެންދޫގެ މައްޗަށް އުފަންވާނެ ފަދަ އެއްވެސް މުޢާމަލާތެއް ނުކުރުމަށް މިނިސްޓްރީ ހިމެނޭ ގޮތުން ދައުލަތުގެ ކަމާގުޅޭ އެންމެހައި އިދާރާތަކުގެ މައްޗަށް އަމުރުކޮށްފައިވެއެވެ. މި ވަގުތީ އަމުރު ނެރެފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށެވެ.
6.1- ލާމަރުކަޒީ ޤާނޫނުގެ 1-8 ވަނަ މާއްދާގެ (ށ) އާއި (ބ) އަކީ ހަމައެކަނި އިޖުރާއަތެއް ކަމުގައި ބަލައި، މަޝްވަރާތަކުން ކޮންމެ ނަތީޖާއެއް ނިކުތްކަމުގައި ވިޔަސް ފަޅުރަށެއް ދިގު މުއްދަތަށް ކުއްޔަށް ދިނުމުގެ އިޚްތިޔާރު މިނިސްޓްރީ އަށް އޮންނާނެ ކަމުގައި ބަލައިގެން ވަގުތީ އަމުރާމެދު ގޮތެއް ނިންމުމަކީ ޤާނޫނުގެ ރޫހު ނުވަތަ އެންމެ އިންސާފުވެރި ގޮތްނޫންކަން؛
6.2- ވަގުތީ އަމުރު ނެރުމަކާ ނުލައި އަސްލު މައުޟޫޢީ ދަޢުވާ ލަސްވެގެން ހިނގައްޖެ ނަމަ މިހާރު ކުރިއަށްދާ، ރަށް ދިގު މުއްދަތަކަށް ކުއްޔަށް ދިނުމުގެ މަރުޙަލާގައި ރަށް ކުއްޔަށް ދެވި، ރަށުގެ މައްޗަށް ތިންވަނަ ފަރާތެއްގެ މަސްލަޙަތު އުފެދި އެގޮތުގައި މުއްދަތުތަކެއް ފާއިތުވެއްޖެ ނަމަ ދަޢުވާ ކުރާ ފަރާތަށް ނުވަތަ ރަށުގެ މައްޗަށް މަސްލަޙަތެއް އުފަންވާ ފަރާތަށް އިއާދަ ނުކުރެވޭ ވަރުގެ ގެއްލުމަކާ ކުރިމަތިލާން ޖެހިދާނެކަން؛
6.3- ލާމަރުކަޒީ ޤާނޫނުގެ 1-8 ވަނަ މާއްދާގެ (ށ) އަށް ބެލުމުން ކައުންސިލަކީ މިގަޟިއްޔާގައި ވަގުތީ އަމުރަކަށް އެދުމުގެ ޙައިސިއްޔަތު ލިބިގެންވާ ފަރާތެއްކަން އެނގޭކަން؛
6.4- މައުޟޫޢީ ގަޟިއްޔާގައި ޙުކުމެއް ކުރެވުމާ ހަމައަށް ނ. ތޮޅެންދޫ ކުއްޔަށް ދިނުން މަޑުޖައްސާލުމަށް އަމުރެއް ކުރުމަކީ އެކަމުގެ ސަބަބުން މައްސަލައިގެ މައުޟޫޢުގައި ކުރެވޭ ޙުކުމަށް އަސަރެއް ކޮށްފާނެ ކަމެއް ނޫންކަން.
7. މި އަމުރު މިނިސްޓްރީ ގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވެއެވެ.
ހައިކޯޓުން މައްސަލަ ނިންމިގޮތް
8. ހައިކޯޓުން މި މައްސަލަ ބަލާފައިވަނީ އެކޯޓުގެ ނަންބަރު 2022/HC-A/156 ގަޟިއްޔާއިންނެވެ. މިގަޟިއްޔާގައި ހައިކޯޓުން ނިންމާފައިވަނީ ސިވިލް ކޯޓުން ނެރެދީފައިވާ ވަގުތީ އަމުރު ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފުކަމަށް ބަލާނެ ހަމައެއް ނެތްކަމަށެވެ.
9. ހައިކޯޓުން މިގޮތަށް ނިންމުމުގައި ބުނެފައިވަނީ އިސްތިއުނާފުކުރާ ފަރާތުން ހަމައެކަނި ބުނާ ބުނުމެއްގެ މައްޗަށް ބިނާކޮށް ޤާނޫނުއަސާސީގެ 23 ވަނަ މާއްދާގެ ދަށުން ރައްޔިތުންނަށް ލިބެންޖެހޭ އިޤްތިޞާދީ އަދި އިޖްތިމާޢީ ޙައްޤުތައް ލިބުމަށް ހުރަސް އެޅޭކަމަށް ބަލައި އެއީ ތަދާރުކު ނުކުރެވޭނެ ގެއްލުމެއް ކަމުގައި ބެލެވިދާނެ ކަމެއް ނޫން ކަމަށެވެ.
10. އަދި ވަގުތީ އަމުރުން ކުރުން މަނާކުރި ކަމަކީ މައްސަލައާ މެދު ގޮތެއް ކަނޑައެޅެންދެން ރަށް ކުއްޔަށް ދިނުމަށް ކުރަމުންދާ މަސައްކަތް މަޑުޖައްސާލުމާ ގުޅުން ހުރި ކަންތައްތަކެއް ކަމުން، މިއީ މައުޟޫޢީ ދަޢުވާގައި އެދިފައިވާ ފަރުވާ ސާބިތުކޮށް، ނަފީވާ ކަމެއް ނޫންކަމަށެވެ.
ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ނުކުތާތައް
11. ހައިކޯޓުން މައްސަލަ ނިންމާފައިވަނީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ފެންނަ ނުކުތާގެ ގޮތުގައި އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފީ ދެ ނުކުތާ ހުށަހަޅާފައިވެއެވެ.
12. އިސްތިއުނާފީ ފުރަތަމަ ނުކުތާއަކީ، 'ސިވިލް ކޯޓުގެ ވަގުތީ އަމުރު ދެމެހެއްޓުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމުގައި ކަނޑައަޅާފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން6 ގަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ (ހ) ގައި، ވަގުތީ އަމުރަށް އެދޭ ފަރާތަށް ޤާނޫނީ ގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ޤާއިމްވެގެން ވާންޖެހޭނެކަމަށް ބަޔާންކޮށްފައިވާ އުޞޫލާ ޚިލާފަށްކަމަށް' ބުނެ ހުށަހެޅި ނުކުތާއެވެ.
13. އިސްތިއުނާފީ ދެވަނަ ނުކުތާއަކީ، 'ކައުންސިލަށް ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް އޮތުމުގެ އިހުތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ނެތްކަމަށް ފާހަގަކޮށް ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ޤާނޫނީ އަސާސްތައް ސިވިލް ކޯޓު މަރުޙަލާގައި ދައްކާފައިވާ ވާހަކަތަކުގައި ފާހަގަކޮށްފައިވާކަން އެނގެން ނެތުމުން، ދައުލަތުން ފާހަގަކޮށްފައިވާ ކަންކަމަށް ރިޢާޔަތް ނުކުރެވޭނެކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމުގައި ކަނޑައަޅާފައިވަނީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު7 ގެ 33 ވަނަ މާއްދާގެ (ހ) އަދި (އ) އާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ކަޕޫރުﷲ ޔޫސުފް ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް8 ގަޟިއްޔާގައި ކަނޑައަޅާފައިވާ އިސްތިއުނާފީ މަރުޙަލާގައި އައު ޤާނޫނީ ބަހުސަކަށް ފުރުޞަތު ހުޅުވާލެވިދާނެ އުޞޫލުތަކާ ޚިލާފަށް، ދައުލަތުގެ މަސްލަޙަތަށް އުނިކަން އަންނަ ފަދައިން ކަމަށް' ބުނެ ހުށަހެޅި ނުކުތާއެވެ.
އިސްތިއުނާފީ ފުރަތަމަ ނުކުތާ
14. އިސްތިއުނާފީ ފުރަތަމަ ނުކުތާ ތަފްޞީލުކުރަމުން އިސްތިއުނާފުކުރާ ފަރާތުން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.
14.1- މައުޟޫޢީ ޙައްޤެއް އޮތުމުގެ އިހުތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ޤާއިމުވެގެންވާކަމަށް ހައިކޯޓުން ނިންމާފައިވަނީ، މައުޟޫޢީ މައްސަލައިގެ ތެރެއިން ކައުންސިލަށް ކާމިޔާބު ނުވާނެކަމަށް އިސްތިއުނާފުކުރާ ފަރާތުން ދައްކާފައިވާ ޙަޤީޤަތްތަކަކީ ނެތް އެއްޗެއް ކަމުގައި ބަލައިގެންކަން؛
14.2- މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިހުތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ޤާއިމުވެފައިވާކަން އެނގިގެންދާނީ، އެ މައްސަލައިގެ ވާޤިއާތަކުންކަމަށް ސުޕްރީމް ކޯޓުގެ ރިޖްވުޑް ހޮޓެލްސް އެންޑް ސުއިޓްސް ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު ޞަދީފް9 ގަޟިއްޔާގައި ބަޔާންކޮށްފައިވާ ކަން؛
14.3- ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައުޟޫޢީ މައްސަލައިގައި، ފަޅުރަށެއް ކުއްޔަށް ދިނުމުގެ މަސައްކަތް ދައުލަތުން ކުރަމުންދަނީ ޤާނޫނާ ޚިލާފަށްކަމަށް ބުނެ ކައުންސިލުން ހުށަހަޅާފައިވާ މައްސަލައެއް ކަމަށްވާއިރު، އެ މަސައްކަތް ޤާނޫނާ ޚިލާފުކަން އެނގޭނެ އެއްވެސް ޤާނޫނީ ނައްސެއް އެނގެން ނެތީސް ކައުންސިލަށް ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ފާޅުކަން ބޮޑުގޮތެއްގައި އޮތްކަމަށް ނުބެލެވޭނެކަން.
15. މިނުކުތާގެ ރައްދުގައި ކައުންސިލް ގެ ފަރާތުން ބުނެފައިވަނީ، އިސްތިއުނާފުކުރާ ފަރާތުން ބަޔާންކުރާފަދަ މިލްކުވެރިކަމާއި އަދާލަތުނިޔާކުރާ ޙައްޤު (equitable right) ގެ ބަޙުސެއް ސިވިލް ކޯޓުގެ މައުޟޫޢީ ގަޟިއްޔާގައި ނުވާކަމަށާއި، ސިވިލް ކޯޓުގައި ކައުންސިލުގެ ފަރާތުން އެދިފައިވަނީ، ދައުލަތުގެ ޢަމަލުތަކަކީ ލާމަރުކަޒީ ޤާނޫނުގެ މަޤުޞަދާއި، ރޫޙާ ޚިލާފު ޢަމަލުތަކެއް ކަމުގައި ކަނޑައަޅައި ދިނުމަށް ކަމަށެވެ.
16. ކައުންސިލްގެ މައުޟޫޢީ ޙައްޤެއް މި މައްސަލައިގައި ނުވާކަމަށް ބަޔާންކޮށް އިސްތިއުނާފުކުރާ ފަރާތުން ޙަވާލާދެނީ ލާމަރުކަޒީ ޤާނޫނުގެ 1-8 ވަނަ މާއްދާގެ (ހ) އަށެވެ. އެ އަކުރުގައިވަނީ،
"މި ޤާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު، އަތޮޅު ކައުންސިލް ނިސްބަތްވާ އިދާރީ ދާއިރާގައި ހިމެނޭ އެންމެހައި ފަޅުރަށްތަކާއި، ފަޅުތަކުގެ ތެރެއިން، ރަށު ކައުންސިލާއި ސިޓީ ކައުންސިލްގެ އިޚްތިޞާޞްގެ ތެރޭގައި ނުހިމެނޭ އެންމެހައި ފަޅުރަށްތަކާއި ފަޅުތަކުގެ މިލްކުވެރި ފަރާތަކީ ދައުލަތެވެ." މި ފަދައިންނެވެ.
17. އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ ނ. ތޮޅެންދޫ އަކީ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިޚްތިޞާޞް ތެރޭގައި ކަނޑައެޅިފައިވާ ރަށަކަށް ނުވުމުންނާއި، އެ ރަށް ކުއްޔަށް ދިނުމަށް ބީލަމަށް ހުޅުވާލެވިފައިވަނީ ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނު10 ގައި ކަނޑައަޅާފައިވާ އިޖުރާއަތުތަކާ އެއްގޮތަށް ކަމަށްވާތީ، ނ. ތޮޅެންދޫ ކުއްޔަށް ދޫކުރުމުގެ މަޤުޞަދުގައި ބީލަމަށް ހުޅުވާލުމަށް ޤާނޫނީ ހުރަހެއް ނެތްކަމަށެވެ.
18. މައުޟޫޢީ ޤަޟިއްޔާގައި ކައުންސިލްގެ ފަރާތުން އުފައްދާފައިވާ ޤާނޫނީ ސުވާލުގައިވަނީ ލާމަރުކަޒީ ޤާނޫނުގެ 1-8 ވަނަ މާއްދާގެ (ށ) އެވެ. އެ އަކުރުގައިވަނީ އަންނަނިވި ޢިބާރާތެވެ.
އަތޮޅު ކައުންސިލް ނިސްބަތްވާ އިދާރީ ދާއިރާގެ ތެރޭގައި ހިމެނޭ އެންމެހައި ފަޅުރަށްތަކާއި، ފަޅުތައް ސަރުކާރުގެ އެއްވެސް އިދާރާއަކުން ބޭނުންކުރަންވާނީ ނުވަތަ ތަރައްޤީކުރަންވާނީ ނުވަތަ އެހެން ފަރާތަކަށް ކުއްޔަށް ނުވަތަ ވަރުވާއަށް ދޫކުރަންވާނީ އަތޮޅު ކައުންސިލާ މަޝްވަރާ ކުރުމަށް ފަހުގައެވެ.
19. ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލަ ނިމިގެން ދާއިރު އާޚިރު ނަތީޖާއަކަށް ވުން އެންމެ ގާތްކުރަނީ ދެ ޙާލަތެކެވެ. ފުރަތަމަ ޙާލަތަކީ ކައުންސިލާ މަޝްވަރާކޮށް ކައުންސިލުން އިޢުތިރާޟު ކުރި ކަމުގައި ވިޔަސް، ސަރުކާރުން ނ. ތޮޅެންދޫ ކުއްޔަށް ދިނުމަށް ޤާނޫނު ތަންދިނުމެވެ. އަދި ދެވަނަ ޙާލަތަކީ، ނ. ތޮޅެންދޫ ކުއްޔަށް ދިނުމަށް ކައުންސިލުން އިޢުތިރާޟުކުރާ ނަމަ، ސަރުކާރުން ރަށް ކުއްޔަށް ދިނުން ޤާނޫނާ ޚިލާފުވުމެވެ. މީގެ ތެރެއިން ދެވަނަ ޙާލަތަށް ވާޞިލުވާގޮތަށް ސިވިލް ކޯޓުގެ ގަޟިއްޔާގައި ޙުކުމް ކުރެވިއްޖެނަމަ، އަދި އެފަދައިން ޙުކުމްކުރެވޭ ޙާލަތުގައި ރަށް ތިންވަނަ ފަރާތަކަށް ކުއްޔަށް ދެވިފައި ވާނަމަ، ލާމަރުކަޒީ ޤާނޫނުގެ 1-8 ވަނަ މާއްދާގެ (ށ) ގައި ކައުންސިލާ މަޝްވަރާ ކުރުމަށް އޮންނަ އޮތުމުގައި ޤާނޫނުން ޙިމާޔަތްކުރަން ގަސްދުކޮށްފައިވާ ޙައްޤު ގެއްލިގެން ދިއުމުގެ އިހުތިމާލު ފާޅުކަން ބޮޑުގޮތެއްގައި ފެންނަން އެބައޮތެވެ. އެ ޙައްޤުގެ ވެރިފަރާތަކީ ކޮބައިކަން ކަނޑައެޅިގެންދާނީ މައުޟޫޢީ ގަޟިއްޔާގައިވާ ޤާނޫނީ ސުވާލުގެ ޖަވާބަށް ވާޞިލުވުމުންކަމުގައި ދެކެމެވެ.
20. ލާމަރުކަޒީ ޤާނޫނުގެ 1-8 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ ސިވިލް ކޯޓުން ނިންމާފައިވަނީ ކައުންސިލަށް މައުޟޫޢީ ގަޟިއްޔާގައި ވަގުތީ އަމުރަށް އެދުމުގެ ޙައިސިއްޔަތު ލިބިގެންވާ ކަމަށެވެ. އެހެންކަމުން މައުޟޫޢީ މައްސަލައިގައި ދަޢުވާކުރުމުގެ ޤާނޫނީ މަރުކަޒު ކައުންސިލަށް ލިބިގެންވާ ފަދައިން، މައުޟޫޢީ މައްސަލައިގައި ގޮތެއް ކަނޑައެޅެންދެން، އިހު އޮތް ޙާލަތު (status quo) އެގޮތުގައި ދެމެހެއްޓުމަށް އެދުމުގެ ޙައްޤުވެސް ކައުންސިލަށް ލިބިގެންވާ ކަމުގައި ދެކެމެވެ.
އިސްތިއުނާފީ ދެވަނަ ނުކުތާ
21. އިސްތިއުނާފީ ދެވަނަ ނުކުތާގައި ދައްކާފައިވާ ވާހަކަތަކުގައި އިސްތިއުނާފުކުރާ ފަރާތުން މައިގަނޑު ގޮތެއްގައި ފާހަގަކުރަނީ، ކައުންސިލަށް މައުޟޫޢީ ދަޢުވާ ކާމިޔާބު ކުރެވުމުގެ އިހުތިމާލު ކުޑަ ކަމަށް ސާބިތުކުރުމުގެ ގޮތުން އިސްތިއުނާފުކުރާ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުންތަކެއް ހުށަހަޅާފައިވީ ނަމަވެސް އެފަދަ ހުށަހެޅުމެއް ދަށު މަރުޙަލާގައި ހުށަހަޅާފައި ނުވާކަމަށް ހައިކޯޓުން ކަނޑައަޅާފައިވަނީ ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށެވެ.
22. މި ނުކުތާގެ ރައްދުގައި ކައުންސިލްގެ ފަރާތުން ބުނެފައިވަނީ ދައުލަތުން ހުށަހަޅާފައިވާ އާ ހެއްކަކީ ކޮންމެހެން ޝަރީޢަތަށް ހުށަހެޅުން ލާޒިމް ހެއްކެއް ނޫންކަމަށާއި، ސަބަބަކީ އެއީ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުތަކަކަށްވެފައި، އެއީ ކޮންމެ ކޯޓަކުންވެސް މައްސަލަ ނިންމުމުގައި ރިޢާޔަތްކުރާނެ ޤާނޫނީ މުސްތަނަދުތަކެއް ކަމަށެވެ.
23. ހައިކޯޓުގެ ނިންމުމުގައިވަނީ، ކައުންސިލާ އެއްކޮޅަށް މައްސަލަ ނިމުމުގެ އިހުތިމާލު ކުޑަކަމަށް ބަޔާންކޮށް އިސްތިއުނާފުކުރާ ފަރާތުން ދެ ކަމެއް ފާހަގަކުރާ ކަމަށާއި، ފުރަތަމަ ކަމަކީ، ނ. ތޮޅެންދޫ އަކީ ޤާނޫނުގައި ބުނާ ފަދައިން އަތޮޅު ކައުންސިލްގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ރަށެއް ނޫން ކަމާއި، އަދި ދެވަނަ ކަމަކީ ލާމަރުކަޒީ ޤާނޫނުގެ 1-8 ވަނަ މާއްދާގެ (ހ) ގެ ދަށުން މިގޮތަށް އިޚްތިޞާޞް ކަނޑައެޅިފައިނުވާ ފަޅުރަށްތަކުގެ ވެރިފަރާތަކީ ދައުލަތް ކަމާއި، އެހެން ނަމަވެސް ސިވިލް ކޯޓުގެ މަރުޙަލާގައި ދައްކާފައިވާ ވާހަކަތަކުގައި މިކަން ދައުލަތުގެ ފަރާތުން ފާހަގަކޮށްފައިވާކަން އެނގެން ނެތްކަމަށެވެ.11 ހައިކޯޓުން ކަނޑައަޅާފައިވާ މި ކަނޑައެޅުން ރަނގަޅު ނޫންކަމުގައި އަހުރެން ދެކެނީ، މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުން އިސްވެ ބަޔާންވެދިޔަ ކަންކަން ސިވިލް ކޯޓު މަރުޙަލާގައި ވެސް ހުށަހަޅާފައިވާކަން ފެންނަން އޮންނާތީއެވެ.12
24. އިސްތިއުނާފުކުރާ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވަނީ، ލާމަރުކަޒީ ޤާނޫނުގެ
56-1 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން، އިދާރީ ދާއިރާގައި ހިމެނޭ ސިޓީ ކައުންސިލާއި ރަށު ކައުންސިލެއްގެ އިޚްތިޞާޞް ރައީސުލްޖުމްހޫރިއްޔާގެ ނަންބަރު 2/2020 އާއި ނަންބަރު 3/2020 ޤަރާރުން ކަނޑައަޅާފައިވުމުން، ޚުޞޫމަތުގައި ހިމެނޭ ނ. ތޮޅެންދޫގެ މައްޗަށް ކައުންސިލްގެ އިޚްތިޞާޞް ނެތްކަމަށް ބަޔާން ކުރުމުގެ ގޮތުންނެވެ. މި ވާހަކަތައް ސިވިލް ކޯޓުގައި އިސްތިއުނާފުކުރާ ފަރާތުން ދައްކާފައިވާތީ މިއީ އައު ނުކުތާއެއް ކަމުގައި ބެލެވެން ނެތްކަމުގައި ވިޔަސް، މި ނުކުތާ އަނެއްކާވެސް އައިސް ގުޅެނީ ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައުޟޫޢީ މައްސަލައިގައި ހިމެނޭ ޤާނޫނީ ސުވާލާއެވެ. ސުޕްރީމް ކޯޓުގެ ކުރިމަތީގައި އޮތީ ހައިކޯޓުން ވަގުތީ އަމުރާމެދު ނިންމި ނިންމުން އިސްތިއުނާފު ކުރެވިފައިވާ މައްސަލައެއް ކަމުގައި ވީހިނދު، މި އިސްތިއުނާފުގައި އިސްތިއުނާފުކުރާ ފަރާތުން ނ. އަތޮޅުގެ ފަޅުރަށްތަކުގެ އިޚްތިޞާޞާ ގުޅިގެން ހުށަހަޅާފައިވާ ކަންތައްތަކާމެދު ގޮތް ކަނޑައެޅިދާނެ ކަމުގައި ނުދެކެމެވެ.
މައްސަލަ ނިންމަން ފެންނަގޮތް
25. ސިވިލް ކޯޓުގެ ނަންބަރު 962/Cv-C/2022 ގަޟިއްޔާގައި ނެރެފައިވާ އެކޯޓުގެ ނަންބަރު
144-B8/VN/2022/01 ވަގުތީ އަމުރު ދެމެހެއްޓުމަށް ހައިކޯޓުން ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅަން ފެނެއެވެ.
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު
26. މި މައްސަލައިގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު
27. މި މައްސަލައިގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު
144-B8/VN/2022/01 "ވަގުތީ އަމުރާމެދު ނިންމިގޮތް" ގައި ނިންމާފައިވާ ނިންމުން ދެމެހެއްޓުމަށް ހައިކޯޓުގެ ނަންބަރު 2022/HC-A/156 ގަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅައި، ސުޕްރީމް ކޯޓުގައި މި މައްސަލަބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ: ޢާއިޝާ ޝުޖޫން މުޙައްމަދު ޢަލީ ރަޝީދު ޙުސައިން މަޙާޒު ޢަލީ ޒާހިރު (ރިޔާސަތު)
1 ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނަންބަރު 1-CBO(EC)30/2020/37 (12 އޮގަސްޓް 2020) ސިޓީ
2 މިނިސްޓްރީގެ ނަންބަރު 30-E/228/2021/8 (09 ސެޕްޓެމްބަރު 2021) ސިޓީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
2022/HC-A/156 ގަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު، ސ. 102
3 ނ. އަތޮޅު ކައުންސިލް އިދާރާގެ ނަންބަރު 06/2021 (15 ސެޕްޓެމްބަރު 2021) ޤަރާރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
2022/HC-A/156 ގަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު، ސ. 103
4 މިނިސްޓްރީގެ ނަންބަރު (IUL)30-E/30/2021/239 (08 ނޮވެމްބަރު 2021) އިޢުލާން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
2022/HC-A/156 ގަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު، ސ. 106
5 ޤާނޫނު ނަންބަރު 2010/7
6 ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/21 ގަޟިއްޔާ
7 ޤާނޫނު ނަންބަރު 2010/13
8 ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/57 ގަޟިއްޔާ
9 [2021] SC 73
10 ޤާނޫނު ނަންބަރު 20/98
11 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/156 ގަޟިއްޔާގެ "ޝަރީޢަތް ނިމުނުގޮތް"، ސ. 13-12، ޕެރެގްރާފް 18-17
12 ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/69 ގަޟިއްޔާގެ އިސްތިއުނާފު ފޯމާއެކު އެގްޒިބިޓް 6 ގެ ގޮތުގައި އިސްތިއުނާފުކުރާ ފާރަތުން ހުށަހަޅާފައިވާ ސިވިލް ކޯޓުގެ ނަންބަރު 962/Cv-C/2022 މަޙުޟަރު ބަޔާން، ސ. 11
2022/SC-A/69 [2024] SC 03
2019/SC-A/300 [2021] SC 778
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.