މުޙައްމަދު އިޔާޒް ވ. އިލެކްޝަންސް ކޮމިޝަން
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލާ ކެންޑިޑޭޓެއްގެ ރަސްމީ އިންތިޚާބީ އޭޖެންޓްގެ ދަރަނީގެ ރެކޯޑު ސާފުކޮށް ހުށަހަޅާފައި ނުވާ ޙާލަތެއްގައި، އެ ކެންޑިޑޭޓްގެ ފޯމު ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމާމެދު ސުޕްރީމް ކޯޓުން މައްސަލަ ބަލައި ކުރިއަށް ގެންދާނެ ސަބަބެއް އޮތްތޯ.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
މައްސަލަ ކުރިއަށް ނުގެންދެވޭ – އިލެކްޝަނ…މައްސަލަ ކުރިއަށް ނުގެންދެވޭ – އިލެކްޝަންސް ކޮމިޝަނުން ފޯމު ބަލައިގަތުމަށް އަމުރުކޮށްދިނުމަށް އެދުނު އެދުން ޤަބޫލުނުކުރެވި، މައްސަލައަކީ އިތުރަށް ކުރިއަށް ގެންދަންޖެހޭ މައްސަލައެއް ނޫންކަމަށް ނިންމި (އިއްތިފާޤުން)
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
އިންތިޚާބަށް ކުރިމަތިލާ ކޮންމެ ކެންޑިޑޭޓަކު އެމީހަކު އިންތިޚާބަށް ކުރިމަތިލުމުގެ ކުރިން އެ އިންތިޚާބުގައި އެމީހާގެ ރަސްމީ އިންތިޚާބީ އޭޖެންޓަކު ކަނޑައަޅަންވާނެއެވެ؛ އަދި ރަސްމީ އިންތިޚާބީ އޭޖެންޓްކަމަށް ކަނޑައަޅާ ފަރާތެއްގެ ކިބައިގައި ހުންނަންޖެހޭ ސިފަތައް އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 25 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވެއެވެ. (ޕެރ. 7)
ރަސްމީ އިންތިޚާބީ އޭޖެންޓަކީ، އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ މީހަކު ކަމުގައިވާންޖެހޭނެއެވެ. (ޕެރ. 7)
ކެންޑިޑޭޓެއްގެ ރަސްމީ އިންތިޚާބީ އޭޖެންޓްގެ ފަރާތުން ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރާ ފޯމުގައި ހަމައެކަނި ކުށުގެ ރެކޯޑަށް ފާހަގަޖަހައި، ދަރަނީގެ ރެކޯޑު ސާފުކޮށް ކަނޑައަޅާފައިވާ މުއްދަތުގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިނުވާކަން އެނގެން އޮތްނަމަ، ފޯމު ބަލައިނުގަތުމަށް ކޮމިޝަނުން ނިންމި ނިންމުމާމެދު މައްސަލަ ކޯޓުން ބަލައި ކުރިއަށް ގެންދާނެ ތަނެއް ނެތެވެ. (ޕެރ. 8)
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ށ) ގެ (3)
- ޤާނޫނު ނަންބަރު 2009/2 (ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ)
ފަނޑިޔާރުން
- ބެންޗު
- އަޙްމަދު މުޢުތަޞިމް ޢަދުނާން (ރިޔާސަތު)، ޢަލީ ރަޝީދު ޙުސައިން، ޑރ. މުޙައްމަދު އިބްރާހީމް
- ރައުޔު ލިޔުނު ފަނޑިޔާރު
- އަޙްމަދު މުޢުތަޞިމް ޢަދުނާން · ތާއީދުކުރެއްވީ: ޢަލީ ރަޝީދު ޙުސައިން، ޑރ. މުޙައްމަދު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު [2024] SC 06 2024/SC-E/01 ޝަރީޢަތް ނިމުނުގޮތް މުޙައްމަދު އިޔާޒް ވ. އިލެކްޝަންސް ކޮމިޝަން ފަނޑިޔާރުންގެ މަޖިލިސް އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް
ނިމުނު ތާރީޚު 25 ފެބްރުއަރީ 2024
މައްސަލަ ރައްދުވާ ފަރާތް މައްސަލަ ހުށަހެޅި ފަރާތް އިލެކްޝަންސް ކޮމިޝަން މުޙައްމަދު އިޔާޒް، ހ. ގިނަމާގެ، މާލެ ޤާނޫނީ ވަކީލު: ޤާނޫނީ ވަކީލު: ނޫރުއްސަލާމް އަބޫބަކުރު (ލެގްޒަވީ ޗެމްބަރސް އެލް.އެލް.ޕީ)
އިބްރާހީމް ޢަލީ
އިލެކްޝަން ކޮމިޝަންގެ ލީގަލް ޑިރެކްޓަރ އަލްއުސްތާޛާ ޢާއިޝަތު ސުމައިނާ
ޑެޕިއުޓީ ޑިރެކްޓަރ އަލްއުސްތާޛާ ޚުޒައިމާ ތައުފީޤު
ސީނިއަރ ލީގަލް އޮފިސަރ އަލްއުސްތާޛާ ސިނާޔާ ޒަކަރިއްޔާ
ތަދައްޚުލްވި ފަރާތް އަޙްމަދު އިނާޒު، ހ. ގިނަމާގެ، މާލެ
އިންތިޚާބީ – ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު – އަދާކުރަންޖެހޭ ސާބިތު ދަރަނި – އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 25 ވަނަ މާއްދާގެ (ށ) ގެ (ނ) – ކޯޓުތަކުގެ އިޚްތިޞާޞް
ފިހުރިސްތު
އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔު (ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި) 1
ތަޢާރުފު 1
މައްސަލައިގައި ކަންހިނގާފައިވާ ގޮތް 2
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު 4
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު 4
ޙުކުމް 5
` ޢަބްދުﷲ އިޔާޒް ވ. އިލެކްޝަންސް ކޮމިޝަން [2024] SC 06 އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔު (ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި) ތަޢާރުފު
1. މި މައްސަލައަކީ ރައްޔިތުންގެ މަޖިލިސް އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހެޅި ހުށަހެޅުމާމެދު އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ނިންމުމާ ގުޅިގެން މި ކޯޓަށް ހުށަހެޅި މައްސަލައެކެވެ. މި މައްސަލައިގައި ހ. ގިނަމާގެ، މުޙައްމަދު އިޔާޒް، (މީގެފަހުން "މުޙައްމަދު އިޔާޒް") ހުށަހެޅި ހުށަހެޅުމުގައި ބުނެފައިވަނީ، ޤާނޫނު ނަންބަރު 2009/2 (ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) ގެ ދަށުން 2024 މާރިޗު 17 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ނޮޅިވަރަމް ދާއިރާއަށް އަމިއްލަގޮތުން ކުރިމަތިލުމަށް 2024 ފެބުރުވަރީ 14 ވަނަ ދުވަހު، މުޙައްމަދު އިޔާޒް ހުށަހެޅި PE2024/CA/333 ފޯމުގައިވާ މަޢުލޫމާތާއި ތަކެތި ބަލައި ޗެކްކުރިއިރު ޤާނޫނުގައިވާ ގޮތުގެމަތިން މުޙައްމަދު އިޔާޒް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ޝަރުޠު ހަމަވާ މީހެއްކަމަށް ބަލައި ހުށަހެޅި ހުށަހެޅުން އިލެކްޝަންސް ކޮމިޝަނުން ޤަބޫލުކުރެވެން ނެތްކަމަށް ބުނެ ނިންމާފައިވާ ނިންމުމާ ގުޅިގެން، އޭނާ 2024 ފެބުރުވަރީ 14 ވަނަ ދުވަހު ހުށަހަޅާފައިވާ ފޯމު އިލެކްޝަންސް ކޮމިޝަނުން ބަލައިގަތުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް މި ކޯޓުން އަންގައިދިނުމަށް އެދި ހުށަހަޅާ މައްސަލައެއް ކަމަށެވެ.
2. މި މައްސަލައިގައި، ހ. ގިނަމާގެ، އަޙްމަދު އިނާޒު (މީގެ ފަހުން އަޙްމަދު އިނާޒު)، މި މައްސަލަ ހުށަހަޅާ ފަރާތުގެ ރަސްމީ އިންތިޚާބީ އޭޖެންޓް، މި މައްސަލައަށް ތަދައްޚުލްވުމަށް އެދި ހުށަހެޅުމުން މި މައްސަލައަށް އެފަރާތް ތަދައްޚުލްވުމުގެ ފުރުޞަތު ވަނީ ދެވިފައެވެ.
3. އަޙްމަދު އިނާޒުގެ ފަރާތުންވެސް މި މައްސަލައިގައި އެދިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދި މުޙައްމަދު އިޔާޒްގެ ފަރާތުން 2024 ފެބުރުވަރީ 14 ވަނަ ދުވަހު ހުށަހަޅާފައިވާ ފޯމު އިލެކްޝަންސް ކޮމިޝަނުން ބަލައިގަތުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް މި ކޯޓުން އަންގައިދިނުމަށެވެ.
މައްސަލައިގައި ކަންހިނގާފައިވާ ގޮތް
4. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނު1ގެ 5 ވަނަ މާއްދާގެ (ހ) ގެ ދަށުން 2024 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު، 2024 މާރިޗު 17 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖައްސައި، އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ ނަންބަރު (IUL)38-AC/38/2024/106 އިޢުލާނުގައި އިންތިޚާބަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވައިލި ފުރުޞަތުގައި، ނޮޅިވަރަމް ދާއިރާއަށް ކުރިމަތިލުމަށް އެދި އިންތިޚާބަށް ކުރިމަތިލުމަށް ހުށަހަޅާ ނަންބަރު PE2024/CA/333 ފޯމުން، 2024 ފެބުރުވަރީ 14 ވަނަ ދުވަހު، މުޙައްމަދު އިޔާޒް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވެއެވެ.
5. މުޙައްމަދު އިޔާޒް އިންތިޚާބަށް ކުރިމަތިލުމަށް ހުށަހެޅި ހުށަހެޅުމުގައިވާ މަޢުލޫމާތާއި ތަކެތި ބެލުމަށްފަހު، ޤާނޫނުގައިވާ ގޮތުގެމަތިން މުޙައްމަދު އިޔާޒް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ޝަރުޠު ހަމަވާ މީހެއްކަމަށް ބަލައި ހުށަހެޅި ހުށަހެޅުން އިލެކްޝަންސް ކޮމިޝަނުން ޤަބޫލުކުރެވެން ނެތް ކަމަށް 2024 ފެބުރުވަރީ 15 ގައި އިލެކްޝަންސް ކޮމިޝަނުން މުޙައްމަދު އިޔާޒްއަށް އަންގާފައިވެއެވެ.
6. މުޙައްމަދު އިޔާޒް އިންތިޚާބަށް ކުރިމަތިލުމަށް ހުށަހެޅި ހުށަހެޅުން ޤަބޫލުނުކުރި ސަބަބެއްކަމަށް އިލެކްޝަންސް ކޮމިޝަނުން މުޙައްމަދު އިޔާޒްއަށް ދޫކޮށްފައިވާ "ކެންޑިޑަސީ ޤަބޫލުނުކުރާ ކަމުގެ ލިޔުން" ގައި ބަޔާންކޮށްފައިވަނީ، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު2ގެ 25 ވަނަ މާއްދާގެ (ށ) ގައި އެ މާއްދާގެ (ހ) ގައި ބުނެފައިވާ ރަސްމީ އިންތިޚާބީ އޭޖެންޓް ކަމަށް ކަނޑައަޅާ ފަރާތުގެ ސާބިތު ދަރަންޏެއް އޮތްނަމަ، ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންނުދާ މީހަކު ކަމުގައި ނުވުން، މިފަދައިން ބަޔާންކޮށްފައިވާއިރު، މުޙައްމަދު އިޔާޒް އިންތިޚާބަށް ކުރިމަތިލުމަށް ހުށަހަޅާފައިވާ ލިޔުންތަކުގެ ތެރެއިން މުޙައްމަދު އިޔާޒްގެ އިންތިޚާބީ އޭޖެންޓްގެ ކުށާއި ދަރަނީގެ ރެކޯޑު ފޯމުގައި ހިމަނާފައިވަނީ ވޭތުވެދިޔަ 5 (ފަހެއް) އަހަރުގެ ރެކޯޑު ކަމަށާއި، އިންތިޚާބަށް ކުރިމަތިލާ މުޙައްމަދު އިޔާޒްގެ އިންތިޚާބީ އޭޖެންޓްގެ ކުށާއި ދަރަނީގެ ރެކޯޑް ފޯމުން ވޭތުވެދިޔަ 5 (ފަހެއް) އަހަރުގެ ކުރީގެ ރެކޯޑު ފެންނަން ނެތަތީ، އޭނާގެ އެ މުއްދަތުގެ ކުރީގެ ދަރަންޏެއް އޮތްކަން ނުވަތަ ނޫންކަން ކަށަވަރުކުރެވެން ނެތުމުން، މުޙައްމަދު އިޔާޒް ހުށަހަޅާފައިވާ ފޯމު ބަލައިގަތުމަށް ނުފެންނަ ކަމަށެވެ.
7. އިންތިޚާބަށް ކުރިމަތިލާ ކޮންމެ ކެންޑިޑޭޓަކު އެމީހަކު އިންތިޚާބަށް ކުރިމަތިލުމުގެ ކުރިން އެ އިންތިޚާބުގައި އެމީހާގެ ރަސްމީ އިންތިޚާބީ އޭޖެންޓަކު ކަނޑައަޅަންވާނެކަމަށް އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 25 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވެއެވެ. އަދި ރަސްމީ އިންތިޚާބީ އޭޖެންޓްކަމަށް ކަނޑައަޅާ ފަރާތެއްގެ ކިބައިގައި ހުންނަންޖެހޭ ސިފަތައް އެ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން، ރަސްމީ އިންތިޚާބީ އޭޖެންޓަކީ، އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ މީހަކު ކަމުގައިވާންޖެހޭނެކަމަށް، އެ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވެއެވެ.
8. މި މައްސަލައިގައި މުޙައްމަދު އިޔާޒްގެ ފަރާތުން މި ކޯޓަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް ބެލިއިރު، މުޙައްމަދު އިޔާޒްގެ ރަސްމީ އޭޖެންޓް ކަމުގައިވާ އަޙްމަދު އިނާޒުގެ ކުށާއި ދަރަނީގެ ރެކޯޑުކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ލިޔުމާއެކު ހުށަހަޅާފައިވާ ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރާ ފޯމުގައި އަޙްމަދު އިނާޒުގެ ފަރާތުން ބަލަންވީ ކުށާއި ދަރަނީގެ ބާވަތުގެ ގޮތުގައި ފާހަގަޖަހާފައިވަނީ ހަމައެކަނި "ކުށުގެ ރެކޯޑު" ގައެވެ. ދަރަނީގެ ރެކޯޑު ބެލުމަށް ފާހަގަޖަހާފައިނުވެއެވެ. އަދި އެ ހުށަހެޅުމާ ގުޅިގެން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ދޫކޮށްފައިވަނީ ހަމައެކަނި ކުށުގެ ރެކޯޑެވެ. އެހެންކަމުން، މުޙައްމަދު އިޔާޒްގެ ރަސްމީ އިންތިޚާބީ އޭޖެންޓްގެ ފަރާތުން ދަރަނީގެ ރެކޯޑް ސާފުކޮށް، ކަނޑައަޅާފައިވާ މުއްދަތުގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިނުވާކަން މި މައްސަލައާއެކު ހުށަހަޅާފައިވާ ލިޔުންތަކުންނާއި ދެފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނާތީ، މި މައްސަލަ މި ކޯޓުން ބަލައި ކުރިއަށް ގެންދާނެ ތަނެއް އޮތްކަމަކަށް ނުދެކެމެވެ.
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު
9. މި މައްސަލައިގައި އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު
10. މި މައްސަލައިގައި އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތުގެމަތިން ހުރުމާއެކު މި މައްސަލައަކީ، އިތުރަށް ކުރިއަށް ގެންދަންޖެހޭ މައްސަލައެއް ނޫންކަމަށް މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ: ޢަލީ ރަޝީދު ޙުސައިން އަޙްމަދު މުޢުތަޞިމް ޢަދުނާން މުޙައްމަދު އިބްރާހީމް (ރިޔާސަތު)
1 ޤާނޫނު ނަންބަރު 2009/2
2 ޤާނޫނު ނަންބަރު 2008/11
2024/SC-E/01 [2024] SC 06
2019/SC-A/300 [2021] SC 778
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.