ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2024] SC 08 · 2024/SC-E/02ސުޕްރީމް ކޯޓު · 29 ފެބުރުއަރީ 2024 · އިންތިޚާބީ – އިންތިޚާބަށް ކުރިމަތިލުން (ކެންޑިޑެސީ ބަލައިނުގަތުމާއި އިންތިޚާބީ އެޖެންޓްގެ ކުށާއި ދަރަނީގެ ރެކޯޑު)

ޢާއިޝަތު އަފްނާން ޢަލީ ވ. އިލެކްޝަންސް ކޮމިޝަން

ސުޕްރީމް ކޯޓުއިލެކްޝަންސް ކޮމިޝަނުން ފޯމު ބަލައިނުގަތ…
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 29 ފެބުރުއަރީ 2024ބާވަތް: އިންތިޚާބީ

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ކެންޑިޑޭޓްގެ ރަސްމީ އިންތިޚާބީ އެޖެންޓްގެ ކުށާއި ދަރަނީގެ ރެކޯޑު ފޯމާ އެޓޭޗްކުރެވިފައިވާ ލިޔުމެއްގެ ތަފްޞީލު ހުށަހަޅާފައި ނުވާ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް ހުށަހެޅި ފޯމު ބަލައި ނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަކީ ޤާނޫނާ އެއްގޮތް ނިންމުމެއްތޯ، އަދި އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 25 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރަކީ ޤާނޫނުއަސާސީއާ ޚިލާފު ނަންބަރެއްކަމަށް ކަނޑައެޅުމަށް ކުރާ އެދުމަކީ މި މައްސަލައިގެ ތެރެއިން ސުޕްރީމް ކޯޓުން ބަލައި ގޮތެއް ކަނޑައެޅޭނެ ހުށަހެޅުމެއްތޯ.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

އިލެކްޝަންސް ކޮމިޝަނުން ފޯމު ބަލައިނުގަތ…

އިލެކްޝަންސް ކޮމިޝަނުން ފޯމު ބަލައިނުގަތުމަށް ނިންމި ނިންމުން ޤާނޫނާ އެއްގޮތް ނޫން؛ 25 ވަނަ މާއްދާގެ (ށ) ގެ (3) އާ ބެހޭ ދުސްތޫރީ ހުށަހެޅުމަކީ ސުޕްރީމް ކޯޓުގެ އަޞްލީ އިޚްތިޞާޞްގެ ތެރެއިން ބެލޭނެ ހުށަހެޅުމެއް ނޫން (ފަނޑިޔާރުންގެ އިއްތިފާޤުން)

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

އިންތިޚާބަކަށް ކުރިމަތިލުމުގައި ކަނޑައަޅާ ރަސްމީ އިންތިޚާބީ އެޖެންޓްގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުޠެއް ފުރިހަމަނުވާ ކަމުގައި ނިންމާ ނިންމުމާ ގުޅިގެން ހުށަހަޅާ މައްސަލަތައް ބެލުމަކީ، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 21 ވަނަ މާއްދާގެ (ބ) ގެ ދަށުން ސުޕްރީމް ކޯޓަށް އިޚްތިޞާޞް ލިބިގެންވާ ކަމެކެވެ. (ޕެރ. 12–13)

އިންތިޚާބުތަކުގައި އެކިއެކި މަޤާމުތަކަށް ކުރިމަތިލުމުގެ ޙައްޤަކީ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ށ) ގެ ދަށުން ލިބިދީފައިވާ އަސާސީ ޙައްޤެކެވެ؛ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލާ މީހެއްގައި ހުންނަންޖެހޭ ޝަރުޠުތައް ބަޔާންވެފައިވަނީ ޤާނޫނުއަސާސީގެ 73 ވަނަ މާއްދާއާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނުގެ 08 ވަނަ މާއްދާގައެވެ. (ޕެރ. 14)

އިންތިޚާބަށް ކުރިމަތިލުމަށް އެދޭމީހާ ހުށަހަޅާ ހުށަހެޅުން ޤަބޫލުކުރިކަން ނުވަތަ ނުކުރާކަން އެންގުމުގެ ކުރިން، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 16 ވަނަ މާއްދާއާއި 17 ވަނަ މާއްދާގެ ދަށުން ހުށަހަޅަންޖެހޭ މަޢުލޫމާތާއި ތަކެތި ހަމައަށް ހުރިތޯ އިލެކްޝަންސް ކޮމިޝަނުން ޔަޤީންކުރަންވާނެއެވެ؛ ހުށަހެޅުން ޤަބޫލުނުކުރާ ކަމަށް ކަނޑައަޅަންވާނީ ޝަރުޠެއް ފުރިހަމަނުވާ، ނުވަތަ މަޢުލޫމާތާއި ތަކެތި ފުރިހަމައަށް ނެތް، ނުވަތަ އެ ތަކެތީގެ ތެރެއިން އެއްޗެއް ޞައްޙަ ނޫންކަމަށް ކޮމިޝަނަށް ޤަބޫލުކުރެވޭ ޙާލަތެއްގައެވެ. (ޕެރ. 16–17)

ކުށާއި ދަރަނީގެ ރެކޯޑު ފޯމުގައި ލިޔުމެއް އެޓޭޗްކުރެވިފައިވާ ކަމަށް ބަޔާންކޮށްފައިވާނަމަ، އެ އެޓޭޗްމަންޓަކީ ފޯމުގެ އެއްބައެވެ؛ އެ ފޯމު އެ އެޓޭޗްމަންޓާ ނުލައި ފުރިހަމައެއް ނުވާނެއެވެ؛ އަދި އެއީ އިންތިޚާބީ އެޖެންޓް ދައްކަންޖެހޭ ދަރަންޏެއް ޙުކުމާ އެއްގޮތަށް އަދާކުރަމުންދާކަން އެނގޭ ލިޔުމެއްކަން ނުވަތަ ނޫންކަން 21 ވަނަ މާއްދާގެ (ށ) ގެ ބޭނުމަށްޓަކައި ކޮމިޝަނަށް ޔަޤީންކުރެވިފައި އޮންނަންޖެހޭ ލިޔުމެކެވެ. (ޕެރ. 19–20)

HN5އިންތިޚާބީ › އިންތިޚާބީ – އިންތިޚާބަށް ކުރިމަތިލުން (ކެންޑިޑެސީ ބަލައިނުގަތުމާއި އިންތިޚާބީ އެޖެންޓްގެ ކުށާއި ދަރަނީގެ ރެކޯޑު)

ފޯމު ހުށަހެޅިއިރު ލިޔެކިޔުން ލިބުނުކަމަށް ކޮމިޝަނުން ފާހަގަކޮށް، އެ ލިޔުމާމެދު ޤާނޫނު ބުނާ މިންވަރަށް ފަރުވާތެރިކަމާއެކު ބަލައި ޔަޤީންނުކޮށް، އިތުރު ލިޔުމެއް ހުށަހެޅުމުގެ ފުރުޞަތު ކުރިމަތިލާ ފަރާތަށް ނުދީ، ފަހުން އެ ލިޔުމުގެ ތަފްޞީލު ނެތުމުގެ ސަބަބުން ފޯމު ބަލައިނުގަތުމަކީ ޤާނޫނާ އެއްގޮތަށް ނިންމާ ނިންމުމެއް ނޫނެވެ؛ ޚާއްޞަކޮށް ދަރަނި ފޯމު ހުށަހެޅުމުގެ ކުރިން ދައްކައި ޚަލާޞްކޮށް، އެކަމުގެ ރަސީދު ހުށަހަޅާފައިވާ ޙާލަތުގައެވެ. (ޕެރ. 18، 20–21)

ޤާނޫނެއްގެ މާއްދާއެއް ޤާނޫނުއަސާސީއާ ޚިލާފުކަމަށް ކަނޑައެޅުމަށް އިންތިޚާބީ މައްސަލައެއްގެ ތެރެއިން ހުށަހަޅާ ދުސްތޫރީ ހުށަހެޅުމަކީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 11 ވަނަ މާއްދާގެ ދަށުން ސުޕްރީމް ކޯޓަށް ލިބިދީފައިވާ އަޞްލީ އިޚްތިޞާޞްގެ ތެރެއިން ބަލައި ގޮތެއް ކަނޑައެޅޭނެ ހުށަހެޅުމެއް ނޫނެވެ. (ޕެރ. 22–23)

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ، 26 ވަނަ މާއްދާގެ (ށ) އަދި 73 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު)، 16 ވަނަ މާއްދާ، 17 ވަނަ މާއްދާ (5 ވަނަ ނަންބަރު)، 21 ވަނަ މާއްދާގެ (ށ)، (ނ) އަދި (ބ)، 25 ވަނަ މާއްދާގެ (ހ) އަދި (ށ) ގެ (3)
  • ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނު، 08 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު)، 11 ވަނަ މާއްދާ

ފަނޑިޔާރުން

ބެންޗު
މަޙާޒު ޢަލީ ޒާހިރު (ރިޔާސަތު)، ޑރ. އަޒްމިރާލްދާ ޒާހިރު، ޢަލީ ރަޝީދު ޙުސައިން
ރައުޔު ލިޔުނު ފަނޑިޔާރު
މަޙާޒު ޢަލީ ޒާހިރު · ތާއީދުކުރެއްވީ: ޑރ. އަޒްމިރާލްދާ ޒާހިރު، ޢަލީ ރަޝީދު ޙުސައިން
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު [2024] SC 08 2024/SC-E/02 ޝަރީޢަތް ނިމުނުގޮތް ޢާއިޝަތު އަފްނާން ޢަލީ ވ އިލެކްޝަންސް ކޮމިޝަން ފަނޑިޔާރުންގެ މަޖިލިސް ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ނިމުނު ތާރީޚު 29 ފެބްރުއަރީ 2024

އިސްތިއުނާފު ރައްދުވާ ފަރާތް އިސްތިއުނާފުކުރާ ފަރާތް އިލެކްޝަންސް ކޮމިޝަން ޢާއިޝަތު އަފްނާން ޢަލީ، ހ. ކޮޔަރ، މާލެ ޤާނޫނީ ވަކީލު: މަޙްފޫޡް ސަޢީދު، ލެގްޒަވީ ޗެމްބަރސް އެލްއެލްޕީ ޤާނޫނީ ވަކީލު: އިބްރާހީމް ޢަލީ، އަބާން ޗެމްބަރސް، އަޙްމަދު ޠާލިބު، ދަ ޖަސްޓިސް ޗެމްބަރސް ބަދަލުގައި: އިލެކްޝަންސް ކޮމިޝަންގެ ލީގަލް ޑިރެކްޓަރ އަލްއުސްތާޛާ އާޢިޝަތު ސުމައިނާ، ޑެޕިއުޓީ ޑިރެކްޓަރ އަލްއުސްތާޛާ ޚުޒައިމާ ތައުފީޤު، ސީނިއަރ ލީގަލް އޮފިސަރ އަލްއުސްތާޛާ ސިނާޔާ ޒަކަރިއްޔާ

އިންތިޚާބީ – ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު – ސުޕްރީމް ކޯޓުގެ އިޚްތިޞާޞް – ކުށާއި ދަރަނީގެ ރެކޯޑް – އަދާކުރަންޖެހޭ ސާބިތު ދަރަނި – އިލެކްޝަންސް ކޮމިޝަންގެ ނިންމުން – އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހެޅި ހުށަހެޅުމާމެދު ނިންމާ ނިންމުން – އިންތިޚާބީ އެޖެންޓްގެ ކުށާއި ދަރަނީގެ ރެކޯޑް – އިންތިޚާބީ އެޖެންޓް - އިންތިޚާބަށް ކުރިމަތިލުމުގެ ޝަރުޠު – އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 25 ވަނަ މާއްދާ

ފިހުރިސްތު

ތަޢާރުފު 1

ކަން ހިނގާފައިވާ ގޮތް 1

އެދިފައިވާ ގޮތް 4

ސުޕްރީމް ކޯޓުގެ އިޚްތިޞާޞް 5

އިންތިޚާބަށް ކުރިމަތިލުމަށް ހުށަހެޅި ހުށަހެޅުމާމެދު ގޮތެއް ނިންމުން 6

މަޢުލޫމާތާއި ތަކެތި ހަމައަށް ހުރިކަން ޔަޤީންކުރިކަމާމެދު 7

ޤާނޫނުގެ މާއްދާއެއް ބާޠިލުކަމުގައި ކަނޑައެޅުމާމެދު 9

ނިންމަން ފެންނަ ގޮތް 9

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު 10

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު 10

ޙުކުމް 10

` ޢާއިޝަތު އަފްނާން ޢަލީ ވ. އިލެކްޝަންސް ކޮމިޝަން [2024] SC 08 ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ތާއީދު ކުރައްވާފައި)

ތަޢާރުފު

1. މި މައްސަލައަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި ވ. ކެޔޮދޫ ދާއިރާއަށް ކުރިމަތިލުމަށް ޢާއިޝަތު އަފްނާން ޢަލީ އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ހުށަހެޅުން އެ ކޮމިޝަނުން ޤަބޫލު ނުކުރުމަށް ނިންމުމާ ގުޅިގެން ޢާއިޝަތު އަފްނާން ޢަލީ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެކެވެ.

ކަން ހިނގާފައިވާ ގޮތް

2. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި ވ. ކެޔޮދޫ ދާއިރާއަށް ކުރިމަތިލުމަށް ޢާއިޝަތު އަފްނާން ޢަލީ އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅާފައިވަނީ 2024 ފެބްރުއަރީ 13 ވަނަ ދުވަހު 14:34 ގައެވެ. އަދި ޢާއިޝަތު އަފްނާން ޢަލީ ހުށަހެޅި ހުށަހެޅުން ޤަބޫލު ކުރެވެން ނެތްކަމަށް އެ ކޮމިޝަނުން ޢާއިޝަތު އަފްނާން ޢަލީއަށް އަންގާފައިވަނީ 2024 ފެބްރުއަރީ 15 ވަނަ ދުވަހު 21:09 ގައެވެ.

3. ޢާއިޝަތު އަފްނާން ޢަލީގެ ކެންޑިޑެސީ ޤަބޫލު ކުރެވެން ނެތްކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ، އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމުގައިވާ މަޢުލޫމާތު އެ ކޮމިޝަނުން ބަލައި ޗެކްކުރިއިރު، ފޯމާއެކު ހުށަހަޅާފައިވާ ކެންޑިޑޭޓްގެ ރަސްމީ އިންތިޚާބީ އެޖެންޓްގެ ކުށާއި ދަރަނީގެ ރެކޯޑު ފޯމުގައި "ފެމިލީ ކޯޓުގައި ކުށުގެ ރެކޯޑު ހުރިކަމަށް ބަޔާންކޮށްފައިވާއިރު އެކަމުގެ ތަފުސީލު ހުށަހަޅާފައިނުވާތީ" ކަމުގައިކަން ކެންޑިޑެސީ ޤަބޫލު ނުކުރާކަމުގެ ލިޔުމުގައި އިލެކްޝަން ކޮމިޝަނުން ބަޔާންކޮށްފައިވެއެވެ.

4. އިތުރަށް އެ ލިޔުމުގައި ބަޔާންކޮށްފައިވަނީ، ޢާއިޝަތު އަފްނާން ޢަލީގެ ރަސްމީ އިންތިޚާބީ އެޖެންޓްގެ ކުށާއި ދަރަނީގެ ރެކޯޑް ފޯމާއެކު ފައިސާ ދެއްކި ރަސީދެއް ހުށަހަޅާފައިވީ ނަމަވެސް ދަރަނީގެ އިތުރު ތަފުސީލެއް ހުށަހަޅާފައި ނުވާތީ އޭނާގެ (ރަސްމީ އިންތިޚާބީ އެޖެންޓްގެ) އިތުރު ދަރަންޏެއް އޮތްކަން ނުވަތަ ނޫންކަން އެނގެން ނެތަތީ އެ ސަބަބާހުރެ ކެންޑިޑެސީ ބަލައި ގަނެވެން ނެތްކަމުގައެވެ.

5. ކެންޑިޑެސީ ޤަބޫލު ނުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމާ ގުޅިގެން ޢާއިޝަތު އަފްނާން ޢަލީ ސުޕްރީމް ކޯޓުގައި ތަފުސީލުކޮށް ވާހަކަ ދައްކާފައިވެއެވެ. މި ވާހަކަތަކުގައި، ޢާއިޝަތު އަފްނާން ޢަލީގެ އިންތިޚާބީ އެޖެންޓް (މުޙައްމަދު އަންފާލު ނާފިޒު، ހ. ދިލާޞް، މާލެ ދަރަނީގެ ރެކޯޑެއް ފެމިލީ ކޯޓުގައި އޮތްކަން، ރެކޯޑު ސާފުކުރުމުން އެނގުނު ކަމުގައްޔާއި، އެކަމާގުޅިގެން އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅި ތާރީޚު ކަމުގައިވާ 13 ފެބްރުއަރީ 2024 ގެ 12:31 ގައި ފެމިލީ ކޯޓަށް ދައްކަންޖެހޭ އެންމެހައި ފައިސާ ދައްކައި ޚަލާޞްކުރި ކަމުގައެވެ. އަދި އިލެކްޝަންސް ކޮމިޝަނަށް ފެމިލީ ކޯޓުން އެ ފައިސާ ބަލައިގަތުމަށް ފަހު އޭނާއަށް ދޫކޮށްފައިވާ ރަސީދު ހުށަހެޅި ކަމުގައެވެ. އަދި ފޯމު ހުށަހެޅުމުގައި އިތުރު މައްސަލައެއް ކުރިމަތިވެދާނެ ކަމުގައި ބަލައި، ފޯމު ހުށަހެޅުމުގެ ތެރޭގައި ތަކުރާރުކޮށް އިލެކްޝަންސް ކޮމިޝަނުގެ މުވައްޒަފުންނާ ސުވާލު ކުރިކަމުގައްޔާއި، އަދި އެ ދުވަހު ފޯމު ހުށަހެޅުމުން ފޯމާއެކު ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިޔުންތައް ހުށަހެޅިކަމުގައި ބަޔާންކޮށް، އެ ކޮމިޝަނުން އޭނާއަށް ލިޔުން ދީފައިވާ ކަމުގައެވެ. އަދި އިތުރު ލިޔުމެއް އެ ދަރަނީގެ ރެކޯޑާ ގުޅިގެން ބޭނުންވާ ނަމަ، އެ ލިޔުމެއް އޭނާއަށް ހުށަހެޅުނީސް ކަމުގައެވެ. މި ގޮތުން ފެމިލީ ކޯޓުން އޭނާގެ އިންތިޚާބީ އެޖެންޓް އެ ކޯޓަށް ދައްކަންޖެހޭ ފައިސާގެ ރިޕޯޓު އޭނާގެ އަތުގައި އޮތް ކަމުގައި ބުނެފައިވެއެވެ.

6. އިންތިޚާބުގައި ވާދަކުރުމަށް ޢާއިޝަތު އަފްނާން ޢަލީ އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅުމުން، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި ހުށަހެޅިކަން އެ ކޮމިޝަނުން ޗެކްކޮށް، އެކަމުގެ ލިޔުން ޢާއިޝަތު އަފްނާން ޢަލީއަށް ދޫކޮށްފައިވެއެވެ. މި ލިޔުމުގެ 12 ވަނަ ނަންބަރުގައި އިންތިޚާބީ އެޖެންޓް ކަމަށް ހުށަހަޅާފައިވާ މީހާގެ ދަރަންޏާއި، ކުށުގެ ރެކޯޑު ސާފުކުރިކަމުގެ ލިޔުން އެ ކޮމިޝަނަށް ލިބިފައިވާކަމުގައި ފާހަގަ ޖަހާފައިވެއެވެ.

7. ކެންޑިޑެސީ ޤަބޫލު ނުކުރި ސަބަބު ތަފުސީލު ކުރަމުން އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދި ފޯމު ހުށަހަޅާ ވަގުތުގައި ބަލާނީ، ފޯމާއެކު ހުށަހެޅިފައިވާ ލިޔުންތައް ހަމައަށް ހުރިތޯ ކަމުގައްޔާއި، އެ ވަގުތަކީ، އެ ލިޔެކިޔުންތަކުގައިވާ އެންމެހައި މަޢުލޫމާތު ބަލައި ގޮތް ނިންމާ ވަގުތެއް ނޫންކަމުގައެވެ. އަދި އެ ކޮމިޝަނަށް ހުށަހެޅޭ އެންމެހައި ލިޔުންތައް ކޮމިޝަނުން ބަލައި ދިރާސާކޮށް، އިންތިޚާބަށް ކުރިމަތިލާ ފަރާތަށް، އެ ފަރާތުގެ ހުށަހެޅުމާމެދު ކޮމިޝަނުން ނިންމާ ގޮތް އެންގުމަށް ޤާނޫނުގައި ވަކި ވަގުތެއް ދީފައިވާ ކަމުގައެވެ.

8. އިތުރަށް އިލެކްޝަންސް ކޮމިޝަނުން ފާހަގަކޮށްފައިވަނީ، މި މައްސަލައިގައި ޢާއިޝަތު އަފްނާން ޢަލީގެ އިންތިޚާބީ އެޖެންޓްގެ ދަރަނީގެ ރެކޯޑެއް އޮތްކަމުގައި ކޮމިޝަނުން ނިންމާފައި ނުވާ ކަމުގައްޔާއި، ނިންމާފައިވަނީ، ހުށަހެޅިފައިވާ ރަސީދުގެ މައްޗަށް ބަލައި، އިންތިޚާބީ އެޖެންޓްގެ "އިތުރު ދަރަންޏެއް އޮތްކަން ނުވަތަ ނޫންކަން ކަށަވަރު ނުކުރެވޭ" ކަމުގައެވެ. އަދި މި ފަދައިން ނިންމަންޖެހިފައިވަނީ، ދަރަނީގެ ރެކޯޑެއް އޮތްކަމަށް ބަޔާންވެފައިވާއިރު، އޭގެ ތަފުސީލު ހުށަހަޅާފައިނުވާތީ ކަމުގައެވެ.

9. އިންތިޚާބީ އެޖެންޓްގެ ކުށާއި ދަރަނީގެ ރެކޯޑުތަކުން ފެމިލީ ކޯޓުގައި ރެކޯޑެއް އޮތްކަމުގައި، ރެކޯޑު ސާފުކުރި ލިޔުމުގައި ފާހަގަ ކޮށްފައި އޮތްތަނުގެ ކައިރީގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ތައްގަނޑެއްގައި "އެޓޭޗް ކުރެވިފައި" ޖަހާފައި އޮތް އޮތުމަށް ބަލައި، އެ އެޓޭޗްމަންޓް އިލެކްޝަން ކޮމިޝަނުން ކަށަވަރުކުރީ ކިހިނަކުންތޯ ޝަރީޢަތުން ކުރި ސުވާލުތަކުގެ ޖަވާބުގައި އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ "އެޓޭޗް ކުރެވިފައި އޮތްކަމަށް ބަޔާންކޮށްފައި އޮތްނަމަވެސް އެޓޭޗްމަންޓެއް ފެންނަން ނެތް" ކަމުގައެވެ. އަދި ކޮމިޝަނުން މި މައްސަލައިގައި ހުށަހަޅާފައިވާ ރަސީދަކީ އެ އެޓޭޗްމަންޓް ކަމުގައި ނިންމީ ނޫންކަމުގައްޔާއި، ފޯމު ބަލައިގަތް މުވައްޒަފަށް އެރި އޮޅުމަކީ، "އެޓޭޗް ކުރެވިފައި" އޮތްކަމަށް ބަޔާން ކުރުމަށްފަހު، ރަސީދެއް ހުށަހަޅާފައި އޮތުމުން އެއީ އެ އެޓޭޗްމަންޓް ކަމުގައި ނުވަތަ އެ ތަފުސީލު ކަމުގައި ބެލުނީ ކަމަށް އެކަށީގެންވާ ކަމުގައެވެ.1 އަދި އެ ފަދައިން ބެލެވިފައިވުން އެކަށީގެންވާ ކަމުގައެވެ. ނަމަވެސް ފެމިލީ ކޯޓުން އެ އެޓޭޗްމަންޓް ދީފައިވާކަން އެނގުނު ނަމަވެސް އެ އެޓޭޗްމަންޓް ކޮމިޝަނާ ހަމައަށް އައިސްފައި ނުވާކަމުގައެވެ.

އެދިފައިވާ ގޮތް

10. މި މައްސަލަ ހުށަހެޅުމަށް ފަހު، ޢާއިޝަތު އަފްނާން ޢަލީގެ ފަރާތުން އެދިފައިވަނީ އޭނާގެ ކެންޑިޑެސީ ބަލައި ނުގަތުމަށް ނިންމާފައިވާ ނިންމުމަކީ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ށ) އާއި، 73 ވަނަ މާއްދާ އާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނުގެ 08 ވަނަ މާއްދާއާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމުގައި ކަނޑައަޅައި ދިނުމަށެވެ. މީގެ އިތުން އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 25 ވަނަ މާއްދާގެ (ށ) ގެ 03 ވަނަ ނަންބަރަކީ، ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ށ) އާއި، 73 ވަނަ މާއްދާ އާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނުގެ 08 ވަނަ މާއްދާއާ ޚިލާފު ނަންބަރެއް ކަމުގައި ކަނޑައަޅައި ދިނުމަށް ވެސް ޢާއިޝަތު އަފްނާން ޢަލީގެ ފަރާތުން އެދިފައިވެއެވެ.

ސުޕްރީމް ކޯޓުގެ އިޚްތިޞާޞް

11. އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ2 21 ވަނަ މާއްދާގެ (ބ) ގައި ބަޔާންވެފައި އޮތީ އަންނަނިވި ޢިބާރާތެވެ.

"އިންތިޚާބަށް ކުރިމަތިލުމަށް އެދޭމީހާއަށް މި މާއްދާގެ (ރ) ގެ ދަށުން އިލެކްޝަންސް ކޮމިޝަނުން އެންގި ސަބަބާމެދު އެމީހަކު ހިތްހަމަނުޖެހޭނަމަ، އަދި އެ ސަބަބަކީ އެ އިންތިޚާބަށް އެމީހަކު ކުރިމަތިލުމަށްޓަކައި ފުރިހަމަވާންޖެހޭ ޝަރުޠު ފުރިހަމަނުވާކަމަށް ނިންމާފައިވާ ނިންމުމެއްކަމުގައިވާނަމަ، އެ މައްސަލައެއް ސުޕްރީމް ކޯޓަށް، އަދި އެނޫންކަމަކާ ގުޅޭގޮތުން ނިންމާފައިވާ ނިންމުމެއްކަމުގައިވާނަމަ އެ މައްސަލައެއް ހައިކޯޓަށް، ހުށަހެޅުމުގެ އިޚްތިޔާރު އެމީހަކަށް ލިބިގެންވެއެވެ."

12. އިންތިޚާބަކަށް ކުރިމަތިލާ ކޮންމެ ކެންޑިޑޭޓަކު އެ މީހަކު އިންތިޚާބަށް ކުރިމަތިލުމުގެ ކުރިން އެ އިންތިޚާބުގައި އެ މީހާގެ ރަސްމީ އިންތިޚާބީ އެޖެންޓަކު ކަނޑައަޅަން އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު ލާޒިމު ކުރެއެވެ.3 އަދި އިންތިޚާބަށް ކުރިމަތިލުމަށް އެދޭއިރު، އެ ކެންޑިޑޭޓެއްގެ ރަސްމީ އިންތިޚާބީ އެޖެންޓްގެ ނަމާއި އެޑްރެހާއި، އަދި އެ އެޖެންޓް ރަސްމީ އިންތިޚާބީ އެޖެންޓްކަން ޤަބޫލުކޮށްފައިވާކަމުގެ އިޤްރާރު ހުށަހެޅުމަކީ ވެސް މި ޤާނޫނު ލާޒިމު ކުރާކަމެވެ.4 މީގެ އިތުރުން މި ޤާނޫނުގައި އިންތިޚާބީ އެޖެންޓްގެ ކިބައިގައި ހުންނަންޖެހޭ ސިފަތަކެއް ބަޔާންކޮށް، އެ ސިފަތަކުގެ ތެރޭގައި، "އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ މީހަކު ކަމުގައި ނުވުން" ބަޔާންކޮށްފައިވެއެވެ.5

13. ކަންމިހެން އޮތުމުން އިންތިޚާބަކަށް ކުރިމަތިލުމުގައި ކަނޑައަޅާ އެޖެންޓްގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުޠެއް ފުރިހަމަނުވާ ކަމުގައި ނިންމާ ނިންމުމާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހަޅާ މައްސަލަތައް ބެލުމަކީ، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ6 21 ވަނަ މާއްދާގެ (ބ) ގެ ދަށުން ސުޕްރީމް ކޯޓަށް އިޚްތިޞާޞް ލިބިގެންވާ ކަމެއް ކަން އެނގެއެވެ.

އިންތިޚާބަށް ކުރިމަތިލުމަށް ހުށަހެޅި ހުށަހެޅުމާމެދު ގޮތެއް ނިންމުން

14. އިންތިޚާބުތަކުގައި އެކިއެކި މަޤާމުތަކަށް ކުރިމަތިލުމުގެ ޙައްޤަކީ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ށ) ގެ ދަށުން ލިބިދީފައިވާ އަސާސީ ޙައްޤެކެވެ. މި ޙައްޤުގެ ބޭނުން ހިފައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލާ މީހެއްގައި ހުންނަންޖެހޭ ޝަރުޠުތަކެއް، ޤާނޫނުއަސާސީގެ 73 ވަނަ މާއްދާ އާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނުގެ 08 ވަނަ މާއްދާގައި ބަޔާންވެފައިވެއެވެ.

15. މަތީގައި ދެންނެވުނު ޝަރުޠުތަކުގެ އިތުރުން، އިންތިޚާބަކަށް ކުރިމަތިލުމުގައި ޢަމަލު ކުރަންޖެހޭ ގޮތާއި، ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއި، ޤާނޫނީ ގޮތުން ފުރިހަމަވާންޖެހޭ އެހެނިހެން ކަންކަން އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގައި ބަޔާންވެފައިވެއެވެ.

16. މި ގޮތުން އިންތިޚާބަކަށް ކުރިމަތިލާ މީހަކު އެކަމަށްޓަކައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާ ހުށަހެޅުންތައް ޤަބޫލު ކުރުމާ ގުޅޭ ގޮތުން، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 21 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވަނީ، އިންތިޚާބަށް ކުރިމަތިލުމަށް އެދޭމީހާ ހުށަހަޅާ ހުށަހެޅުން ޤަބޫލުކުރިކަން ނުވަތަ ޤަބޫލުނުކުރާކަން އިލެކްޝަންސް ކޮމިޝަނުން އެ މީހަކަށް އެންގުމުގެ ކުރިން، އިންތިޚާބަށް ކުރިމަތިލުމަށް އެދޭމީހާ އެ ޤާނޫނުގެ 16 ވަނަ މާއްދާއާއި 17 ވަނަ މާއްދާގެ ދަށުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭ މަޢުލޫމާތާއި ތަކެތި ހަމައަށް ހުރިތޯ އިލެކްޝަންސް ކޮމިޝަނުން ޔަޤީންކުރަންވާނެ ކަމުގައެވެ.

17. މީގެ އިތުރުން ޤާނޫނުގެ އެ މާއްދާގެ (ނ) ގައި ބުނެފައިވަނީ، އިންތިޚާބަށް ކުރިމަތިލުމަށް އެދޭމީހާ ހުށަހަޅާ ހުށަހެޅުން އިލެކްޝަންސް ކޮމިޝަނުން ޤަބޫލުނުކުރާ ކަމަށް ކަނޑައަޅަންވާނީ، އެ އިންތިޚާބަށް ކުރިމަތިލުމަށް ފުރިހަމަވާންޖެހޭ ޝަރުޠެއް ފުރިހަމަނުވާނަމަ، ނުވަތަ އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 16 ވަނަ މާއްދާ އާއި 17 ވަނަ މާއްދާގެ ދަށުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭ މަޢުލޫމާތާއި ތަކެތި ފުރިހަމައަށް ނެތްނަމަ، ނުވަތަ އެ ތަކެތީގެ ތެރެއިން އެއްޗެއް ޞައްޙަ ނޫންކަމަށް އިލެކްޝަންސް ކޮމިޝަނަށް ޤަބޫލުކުރެވޭ ޙާލަތެއްގައެވެ.

މަޢުލޫމާތާއި ތަކެތި ހަމައަށް ހުރިކަން ޔަޤީންކުރިކަމާމެދު

18. މި މައްސަލައިގައި ޢާއިޝަތު އަފްނާން ޢަލީގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން، އިންތިޚާބަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުގެ ކުރިން، އޭނާގެ އިންތިޚާބީ އެޖެންޓް ފެމިލީ ކޯޓަށް ދައްކަންޖެހޭ ދަރަންޏެއް އޮތްކަން ސަމާލުކަމަށް އައިސްފައިވާކަން އެނގެއެވެ. އަދި ފެމިލީ ކޯޓަށް ދައްކަންޖެހޭ އެންމެހައި ފައިސާ އިންތިޚާބަށް ކުރިމަތިލުމަށް 2024 ފެބްރުއަރީ 13 ވަނަ ދުވަހު 14:34 ގައި ފޯމު ހުށަހެޅުމުގެ ކުރިން އެ ދުވަހު 12:30 ގައި ދައްކާފައިވާކަން އެނގެއެވެ. އަދި މި ފައިސާ ދެއްކުމަށްފަހު، އެ ކޯޓުން އޭނާއަށް ދޫކޮށްފައިވާ ރަސީދު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވެއެވެ.

19. މީގެ އިތުރުން މި މައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކުން ޢާއިޝަތު އަފްނާން ޢަލީގެ އިންތިޚާބީ އެޖެންޓްގެ ރެކޯޑެއް ފެމިލީ ކޯޓުގައި އޮތްކަމުގައި، ކުށާއި ދަރަނީގެ ރެކޯޑު ފޯމުގައި ބަޔާންކުރުމަށްފަހު، އެ ފޯމުގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން "އެޓޭޗް ކުރެވިފައި" ލިޔެފައިވާ ތައްގަނޑެއް ޖަހާފައިވެއެވެ. މި ހާލަތުގައި އެޓޭޗްމަންޓަކީ، ކުށާއި ދަރަނީގެ ރެކޯޑު ފޯމުގެ އެއްބައެވެ. އެ ފޯމު މި އެޓޭޗްމަންޓާ ނުލައި ފުރިހަމައެއް ނުވާނެއެވެ. ނަމަވެސް މި އެޓޭޗްމަންޓަކީ ކޮބައިކަން މި ލިޔުމުގައި ބަޔާންކޮށްފައި ނުވެއެވެ.

20. އަދި މި އެޓޭޗްމަންޓަކީ، އިންތިޚާބީ އެޖެންޓް ދައްކަންޖެހޭ ދަރަންޏެއް ހުކުމާ އެއްގޮތަށް އަދާކުރަމުންދާކަން އެނގޭ ލިޔުމެއްކަން ނުވަތަ ނޫންކަން އިންތިޚާބުތަކާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގެ (ށ) ގެ ބޭނުމަށްޓަކައި އެ ކޮމިޝަނަށް ޔަޤީންކުރެވިފައި އޮންނަންޖެހޭނެ ލިޔުމެކެވެ. ނަމަވެސް، މި މައްސަލައިގެ ޝަރީޢަތުގެ މަޖިލީހުގައި އިލެކްޝަންސް ކޮމިޝަނުން ދައްކާފައިވާ ވާހަކަތަކުން، އެ ލިޔުމާމެދު ޤާނޫނު ބުނާ މިންވަރަށް ފަރުވާތެރިކަމާއެކު ބަލައި ޔަޤީންކުރި ކަމުގައި ނުބެލެވެއެވެ. އެހެނީ އިންތިޚާބުގައި ބައިވެރިވުމަށް ފޯމު ހުށަހެޅިއިރު، އިންތިޚާބީ އެޖެންޓް ކަމަށް ހުށަހަޅާ މީހާގެ ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރިކަމުގެ ލިޔުން ލިބުނުކަމަށް އެ ކޮމިޝަނުން ފާހަގަކޮށްފައިވާއިރު،7 ކުށާއި ދަރަނީގެ ރެކޯޑު ފޯމުގައި އެޓޭޗްވެފައިވާ ލިޔުމެއް ހުށަހެޅުނުކަން، އަދި އެ ލިޔުމަކީ ކޮބައިކަން އިލެކްޝަން ކޮމިޝަނުން ޔަޤީންކުރެވުނު ނަމަ، ކުށާއި ދަރަނީގެ ފޯމު ފުރިހަމަވެފައި ނުވާކަމުގައި ބަލައި އެކަމާމެދު އެ ކޮމިޝަނަށް ގޮތެއް ނިންމުނީހެވެ. އަދި ކުށާއި ދަރަނީގެ ފޯމާ ގުޅިގެން އިތުރު ލިޔުމެއް ހުށަހަޅަންޖެހޭ ނަމަ، އެ ފުރުސަތު ފޯމު ހުށަހެޅި ފަރާތަށް ލިބިގެން ދިޔައީހެވެ. އަދި އިލެކްޝަންސް ކޮމިޝަނުން ވެސް ފާހަގަ ކުރި ފަދައިން ކުށާއި ދަރަނީގެ ރެކޯޑު ފޯމުގައި އެޓޭޗްކުރެވިފައިވާ ފެމިލީ ކޯޓުގެ "2024 ފެބްރުއަރީ 10 ގެ ނިޔަލަށް ދައްކަންޖެހޭ / ލިބެންޖެހޭ ފައިސާގެ ރިޕޯޓު" ޢާއިޝަތު އަފްނާން ޢަލީއަށް އެ ކޮމިޝަނަށް ހުށަހެޅުނީހެވެ. މި ރިޕޯޓުގައި ފެމިލީ ކޯޓުގެ ނަންބަރު 1268/Fm-C/2023 ޤަޟިއްޔާއާ ގުޅިގެން 2024 ފެބްރުއަރީ 10 ގެ ނިޔަލަށް ދައްކަންޖެހޭ 6000/-ރ. (ހަހާސް ރުފިޔާ) އޮތްކަމުގައި ބަޔާންކޮށްފައިވާއިރު، އެ ރުފިޔާ ހަމައަށް އެ ކޯޓަށް ދައްކައި ޚަލާޞް ކޮށްފައިވާކަން، މި މައްސަލައިގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުނު ފައިސާގެ ރަސީދުން ސާފުކޮށް އެނގެއެވެ.

21. މި ސަބަބަށްޓަކައި، ޢާއިޝަތު އަފްނާން ޢަލީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި ބައިވެރިވުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ފޯމު ބަލައިނުގަތުމަށް އެ ކޮމިޝަނުން ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ކަމުގައި އަހުރެން ނުދެކެމެވެ.

ޤާނޫނުގެ މާއްދާއެއް ބާޠިލުކަމުގައި ކަނޑައެޅުމާމެދު

22. މި މައްސަލައިގައި ޢާއިޝަތު އަފްނާން ޢަލީގެ ފަރާތުން އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 25 ވަނަ މާއްދާގެ (ށ) ގެ 03 ވަނަ ނަންބަރަކީ، ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ށ) އާއި، 73 ވަނަ މާއްދާ އާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނުގެ 08 ވަނަ މާއްދާއާ ޚިލާފު ނަންބަރެއް ކަމުގައި ކަނޑައަޅައި ދިނުމަށްއެދި ހުށަހަޅާފައިވާ ހުށަހެޅުމަށް ބަލާއިރު، މިއީ މި މައްސަލައިގެ ތެރެއިން ހުށަހެޅިފައިވާ ދުސްތޫރީ ހުށަހެޅުމެކެވެ. އަދި މިއީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ8 11 ވަނަ މާއްދާގެ ދަށުން ސުޕްރީމް ކޯޓަށް ލިބިދީފައިވާ އަޞްލީ އިޚްތިޞާޞްގެ ތެރެއިން ބަލައި ގޮތެއް ކަނޑައެޅޭނެ ހުށަހެޅުމެއް ކަމުގައި ނުދެކެމެވެ.

23. ކަންމިހެން އޮތުމުން އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 25 ވަނަ މާއްދާގެ (ށ) ގެ 03 ވަނަ ނަންބަރަކީ ޤާނޫނުއަސާސީގެ މާއްދާތަކަކާ ޚިލާފު ނަންބަރެއްކަމުގައި ކަނޑައަޅައި ދިނުމަށް ޢާއިޝަތު އަފްނާން ޢަލީގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމާމެދު ގޮތެއް ކަނޑައަޅާނެ ތަނެއް އޮތްކަމުގައި ނުދެކެމެވެ.

ނިންމަން ފެންނަ ގޮތް

24. މަތީގައި ބަޔާންކުރި ކަންކަމުގެ އަލީގައި ޢާއިޝަތު އަފްނާން ޢަލީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި ވ. ކެޔޮދޫ ދާއިރާއަށް ކުރިމަތިލުމަށް ނިންމައި، އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ފޯމު ބަލައިގަތުމަށް ނުފެންނަ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ޤާނޫނާ ޚިލާފަށް ކަމުގައި ކަނޑައަޅަން ފެނެއެވެ.

25. އަދި އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 25 ވަނަ މާއްދާގެ (ށ) ގެ 03 ވަނަ ނަންބަރަކީ، ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ށ) އާއި، 73 ވަނަ މާއްދާ އާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނުގެ 08 ވަނަ މާއްދާއާ ޚިލާފު ނަންބަރެއް ކަމުގައި ކަނޑައަޅައި ދިނުމަށްއެދި ޢާއިޝަތު އަފްނާން ޢަލީގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމަކީ، ސުޕްރީމް ކޯޓަށް ލިބިދީފައިވާ އަޞްލީ އިޚްތިޞާޞްގެ ތެރެއިން ބަލައި ގޮތެއް ކަނޑައެޅޭނެ ހުށަހެޅުމެއް ނޫންކަމުގައި ކަނޑައަޅައި މައްސަލަ ނިންމުމަށް ފެނެއެވެ.

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު

26. މި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު

27. މި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ މަތީގައި ބަޔާންކުރި ސަބަބުތައް އެގޮތުގެ މަތިން ހުރުމުން،

1- ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި ކެޔޮދޫ ދާއިރާއަށް ކުރިމަތިލުމަށް 13 ފެބްރުއަރީ 2014 ގައި ޢާއިޝަތު އަފްނާން ޢަލީ ހުށަހެޅި ފޯމު ބަލައި ނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅަމެވެ.

2- އަދި އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 25 ވަނަ މާއްދާގެ (ށ) ގެ 03 ވަނަ ނަންބަރަކީ، ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ށ) އާއި، 73 ވަނަ މާއްދާ އާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނުގެ 08 ވަނަ މާއްދާއާ ޚިލާފު ނަންބަރެއް ކަމުގައި ކަނޑައަޅައި ދިނުމަށްއެދި ޢާއިޝަތު އަފްނާން ޢަލީގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމަކީ، ޤާނޫނުން ސުޕްރީމް ކޯޓަށް ލިބިދީފައިވާ އަޞްލީ އިޚްތިޞާޞްގެ ތެރެއިން ބަލައި ގޮތެއް ކަނޑައެޅޭނެ ހުށަހެޅުމެއް ނޫންކަމުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅަމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ: އަޒްމިރާލްދާ ޒާހިރު މަޙާޒު ޢަލީ ޒާހިރު ޢަލީ ރަޝީދު ޙުސައިން (ރިޔާސަތު)

127 މާރޗް 2024 ގައި ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އިލެކްޝަންސް ކޮމިޝަންގެ ވަކީލު މަޙްފޫޡް ސަޢީދު ދެއްކެވި ވާހަކައިގެ މަޙްޟަރު ބަޔާން، ޞަފްޙާ 29، 19 ވަނަ ފޮޅުވަތުން 25 ވަނަ ފޮޅުވަތުގެ ނިޔަލަށް.

2 ޤާނޫނު ނަންބަރު 2008/11

3 އބމ 25 ވަނަ މާއްދާގެ (ހ)

4 އބމ 17 ވަނަ މާއްދާގެ 5 ވަނަ ނަންބަރު

5 އބމ 25 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރު

6 ޤާނޫނު ނަންބަރު 2008/11

7ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތީގެ ލިސްޓް، ފޯމް ނަންބަރު PE2024/CA/225

8 ޤާނޫނު ނަންބަރު 2010/22

2024/SC-E/02 [2024] SC 08

2019/SC-A/300 [2021] SC 778

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ