ޢަބްދުލްމަޖީދު ވ. އިލެކްޝަންސް ކޮމިޝަން
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- އިންތިޚާބަށް ކުރިމަތިލާ މީހާގެ މުޅި އުމުރުގެ ކުށާއި ދަރަނީގެ ރެކޯޑް ހުށަހަޅާފައިނުވާތީ ޝަރުޠު ފުރިހަމަވާކަން ކަށަވަރުނުކުރެވޭކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން ކެންޑިޑަސީ ޤަބޫލުނުކުރުމަށް ނިންމި ނިންމުމަކީ، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 21(ބ) ގެ ދަށުން ސުޕްރީމް ކޯޓަށް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ (ޝަރުޠު ފުރިހަމަނުވާކަމުގެ) ނިންމުމެއްތޯ.
ނިންމުން
މި މައްސަލަ ބެލުމުގެ އިޚްތިޞާޞް ސުޕްރީމް ކޯޓަށް ލިބިގެންނުވާކަމަށް…މި މައްސަލަ ބެލުމުގެ އިޚްތިޞާޞް ސުޕްރީމް ކޯޓަށް ލިބިގެންނުވާކަމަށް ނިންމި (ކެންޑިޑަސީ ބަލައިނުގަތުމުގެ ނިންމުމަށް ބަދަލެއް ނުގެނެސް)
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 17 ވަނަ މާއްދާގެ (7) ގެ ދަށުން، އެ އިންތިޚާބަކާބެހޭ ޚާއްޞަ ޤާނޫނާއި ގަވާއިދުގައި ބުނެފައިވާ އިތުރު ތަކެތި ކުރިމަތިލާ މީހާ ހުށަހަޅަންޖެހޭއިރު، އެ ތަކެތި ކޮބައިކަން އިލެކްޝަންސް ކޮމިޝަނުން އިންތިޚާބު ބާއްވާކަން އަންގާ އިޢުލާނުގައި ތަފްޞީލުކޮށް ބަޔާންކޮށްފައި އޮންނަންވާނެއެވެ.
HN2 އެ ޤާނޫނުގެ 21 ވަނަ މާއްދާގެ (ނ) ގެ ދަށުން ކުރިމަތިލުމުގެ ހުށަހެޅުމެއް ޤަބޫލުނުކުރެވޭނީ (1) ކުރިމަތިލުމަށް ފުރިހަމަވާންޖެހޭ ޝަރުޠެއް ފުރިހަމަނުވުން، (2) 16 ވަނަ އަދި 17 ވަނަ މާއްދާގެ ދަށުން ހުށަހަޅަންޖެހޭ މަޢުލޫމާތާއި ތަކެތި ފުރިހަމައަށް ނެތުން، ނުވަތަ (3) އެ ތަކެތީގެ ތެރެއިން އެއްޗެއް ޞައްޙަނޫންކަމަށް ކޮމިޝަނަށް ޤަބޫލުކުރެވުން ކަމުގައިވާ ތިން ޙާލަތުގައެވެ؛ ޤަބޫލުނުކުރާނަމަ ސަބަބު ލިޔުމުން އަންގަންވާނެއެވެ.
HN3 އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 21 ވަނަ މާއްދާގެ (ބ) ގެ ދަށުން ސުޕްރީމް ކޯޓަށް އަސްލީ އިޚްތިޞާޞް ލިބިގެންވަނީ ކުރިމަތިލާ މީހާ ކުރިމަތިލުމަށް ފުރިހަމަވާންޖެހޭ ޝަރުޠެއް ފުރިހަމަނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާ ނިންމުން ބެލުމަށެވެ؛ ހުށަހަޅަންޖެހޭ މަޢުލޫމާތާއި ތަކެތި ފުރިހަމަނުވާތީ ނުވަތަ ޞައްޙަނޫން ތަކެތި ހިމެނޭތީ ނިންމާ ނިންމުން ބެލުމުގެ އިޚްތިޞާޞް ސުޕްރީމް ކޯޓަށް ލިބިގެންނުވެއެވެ.
HN4 ކުރިމަތިލުމުގެ ހުށަހެޅުން ޤަބޫލުކުރަނީ ޤާނޫނުގައި ބަޔާންކޮށްފައިވާ މަޢުލޫމާތާއި ތަކެއްޗަށް ބަލައިގެން ކަމަށްވާތީ، އެ މަޢުލޫމާތާއި ލިޔެކިޔުން ފުރިހަމަނުވާނަމަ ޝަރުޠު ފުރިހަމަވާކަން ބެލޭނެ ގޮތެއް ނޯންނާނެއެވެ؛ ލިޔެކިޔުން ފުރިހަމަނުވާތީ ޝަރުޠު ފުރިހަމަވާކަން ކަށަވަރުނުކުރެވޭކަމަށް ބުނެ ދޭ ނިންމުމަކީ ލިޔެކިޔުން ފުރިހަމަނުވުމުގެ ސަބަބުން ކުރާ ނިންމުމެއް ކަމަށް ބެލެވޭނެއެވެ.
HN5 ކުރިމަތިލުމުގެ ހުށަހެޅުމާމެދު އިލެކްޝަންސް ކޮމިޝަނުން ނިންމާ ނިންމުންތައް ބެލުމުގެ އިޚްތިޞާޞް ހައިކޯޓާއި ސުޕްރީމް ކޯޓަށް ލިބިގެންވާއިރު، އިޚްތިޞާޞް ލިބިގެންވާ ކޯޓު ދެނެގަނެވޭނީ ކޮމިޝަނުން ހުށަހެޅުން ބަލައިނުގަތުމަށް ނިންމި ޙާލަތަށް ބަލައިގެން ކަމަށްވާތީ، އިލެކްޝަންސް ކޮމިޝަނުން ނިންމާ ނިންމުން ސާފުވާނެހެން އޮތުން މުހިންމެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޙުސައިން ޝަހީދު، ޢާއިޝާ ޝުޖޫން މުޙައްމަދު، މުޙައްމަދު ސަލީމް
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުސައިން ޝަހީދު · ތާއީދުކުރެއްވީ: ޢާއިޝާ ޝުޖޫން މުޙައްމަދު، މުޙައްމަދު ސަލީމް
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔު (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު މުޙައްމަދު ސަލީމް ތާއީދު
1.... ކުރައްވާފައި) .....
1 ..... ތަޢާރުފު .....
2.... ކަން ހިނގާފައިވާ ގޮތް .....
4.... އެދިފައިވާ ގޮތް .....
4 ..... އިލެކްޝަންސް ކޮމިޝަނުން ދެއްކި ވާހަކަ .....
5.... ސުޕްރީމް ކޯޓުގެ އިޚްތިޞާސް .....
9 .....
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު .....
9 .....
ފަނޑިޔާރު މުޙައްމަދު ސަލީމްގެ ރައުޔު .....
10 ..... ޙުކުމް ..... بِسْمِ الرَّحْمَىٰ ޢަބްދުލްމަޖީދު ވ. އިލެކްޝަންސް ކޮމިޝަން [2026] SC 04
ފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔު (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު މުޙައްމަދު
ސަލީމް ތާއީދު ކުރައްވާފައި)
ތަޢާރުފު
1. މިއީ، ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު)ގެ 9 ވަނަ މާއްދާގެ (ހ)ގެ ދަށުން، 04 އެޕްރީލް 2026 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026 ގައި ކ. ގުރައިދޫ ކައުންސިލްގެ ރައީސްކަމަށް އަމިއްލަގޮތުން ކުރިމަތިލުމަށް، 01 ފެބްރުއަރީ 2026 ގައި ޢަބްދުލްމަޖީދު، ކ.ގުރައިދޫ / ރިނދަލިގެ، () ހުށަހެޅި MYP/LEC/2026/1954 ފޯމުގައިވާ މަޢުލޫމާތާއި ތަކެތި ބަލައި ޗެކްކުރި އިރު ޤާނޫނުގައިވާ ގޮތުގެމަތިން، ޢަބްދުލްމަޖީދު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026 އަށް ކުރިމަތިލުމަށް ހުށަހެޅި ހުށަހެޅުން، ޤަބޫލުކުރެވެން ނެތްކަމަށް އިލެކްޝަން ކޮމިޝަނުން ނިންމުމާ ގުޅިގެން، ޢަބްދުލްމަޖީދުގެ ފަރާތުން އިލެކްޝަންސް ކޮމިޝަންއަށް ރައްދުވާގޮތަށް ހުށަހެޅުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބެލި މައްސަލައެކެވެ.
ކަން ހިނގާފައިވާ ގޮތް
2. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026 ގައި ކ. ގުރައިދޫ ކައުންސިލްގެ ރައީސްކަމަށް އަމިއްލަ ގޮތުން ކުރިމަތިލުމަށް 01 ފެބްރުއަރީ 2026 ގައި، ޢަބްދުލްމަޖީދު ފޯމު ހުށަހެޅިއެވެ. ޢަބްދުލްމަޖީދު ހުށަހެޅި ހުށަހެޅުން ޤަބޫލުކުރެވެން ނެތްކަމަށް އިލެކްޝަންސް ކޮމިޝަނުން 02 ފެބްރުއަރީ 2026 ގައި ޢަބްދުލްމަޖީދަށް އެންގިއެވެ.
3. ޢަބްދުލްމަޖީދުގެ ކެންޑިޑަސީ ޤަބޫލުނުކުރާކަމަށް އިލެކްޝަންސް ކޮމިޝަނުން އަންގާފައިވަނީ، ހުށަހަޅާފައިވާ ފޯމުގައިވާ މަޢުލޫމާތާއި ތަކެތި ބަލައި ޗެކްކުރިއިރު، އިންތިޚާބަށް ކުރިމަތިލުމަށް އެދޭމީހާ ހުށަހަޅަންވާނެކަމަށް ބަޔާންކޮށްފައިވާ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން، ފުރިހަމަކޮށް، އިންތިޚާބަށް ކުރިމަތިލާ މީހާގެ މުޅި އުމުރަށް ނަގާފައިވާ ކުށާއި، ދަރަނީ ރެކޯޑުގެ ބަދަލުގައި، ވޭތުވެދިޔަ 5 (ފަހެއް) އަހަރު ދުވަހުގެ ކުށާއި ދަރަނީގެ ރެކޯޑް ހުށަހަޅާފައިވާތީ ކަމަށެވެ. އަދި، 5 (ފަހެއް) އަހަރުގެ ރެކޯޑް ހުށަހަޅާފައިވާތީ، އޭގެ ކުރީގެ މުއްދަތުގައި ދަރަންޏެއް އޮތްކަން ނުވަތަ ނޫންކަން އަދި ކުށެއް ސާބިތުވެފައިވާކަން ނުވަތަ ނޫންކަން އެނގެންނެތަތީ، ޝަރުޢު ފުރިހަމަވާކަން ކަށަވަރުކުރެވެން ނެތް ކަމަށް އެ ލިޔުމުގައި ބަޔާންކޮށްފައިވެއެވެ. އެހެންކަމުން، ޝަރުޢު ފުރިހަމަވާކަން ކަށަވަރުނުކުރެވޭތީ، ކެންޑިޑަސީ ބަލައިގަނެވެން ނެތްކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމިއެވެ.
4. އިލެކްޝަންސް ކޮމިޝަނުގެ މި ނިންމުން ޢަބްދުލްމަޖީދުގެ ފަރާތުން ސުޕްރީމް ކޯޓަށާއި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިއެވެ. ހައިކޯޓަށް ހުށަހެޅުމުން ހައިކޯޓުގެ ރަޖިސްޓްރާރ ނިންމާފައިވަނީ ޢަބްދުލްމަޖީދުގެ ފަރާތުން ހުށަހެޅި މައްސަލަ ބަލައިގަތުމުގެ އިޚްތިޞާޞް ހައިކޯޓަށް ލިބިގެންނުވާކަމަށެވެ. ދިވެހިރާއްޖޭގެ ހައިކޯޓަށް އިޚްތިޞާޞް ލިބިގެންނުވާކަމަށް ހައިކޯޓުގެ ރަޖިސްޓްރާރގެ ނިންމުމުގައި ބުނެފައިވަނީ އެ ނިންމުމަކީ ޝަރުޢު ފުރިހަމަވާކަން ކަށަވަރުނުކުރެވޭތީ ނިންމާފައިވާ ނިންމުމެއް ކަމުގައިވާތީ ކަމަށެވެ. ހައިކޯޓުގެ ރަޖިސްޓްރާރގެ ނިންމުން ނިންމާފައިވަނީ 11 ފެބްރުއަރީ 2026 ގައެވެ. އިލެކްޝަންސް ކޮމިޝަނުގެ ނިންމުން ހައިކޯޓަށް ހުށަހެޅިކަން މިކޯޓުގެ ސަމާލުކަމަށް އައިސްފައިވަނީ މި މައްސަލައިގެ އަޑުއެހުން ނިމުނުފަހުން، ޢަބްދުލްމަޖީދުގެ ވަކީލުގެ ފަރާތުން ހައިކޯޓުގެ ރަޖިސްޓްރާރގެ ނިންމުން މި ކޯޓާ ހިއްސާކުރުމުންނެވެ. މި ދެންނެވި ރަޖިސްޓްރާގެ ނިންމުން މި ކޯޓާ ހިއްސާކޮށް އެފަރާތުން ބުނެފައިވަނީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ ހައިކޯޓުގެ ނިންމުމާއި ގުޅިގެން ނޫންކަމަށާއި، އެގޮތަށް އެކަން ކޮށްފައިވަނީ މުވައްކިލަށް ލިބޭ މުއްދަތު ކުރުވުމުން އެއްވެސް ރިސްކެއް ނަގަން ބޭނުންނުވާތީ ކަމަށް މުވައްކިލު ބުނެފައިވާކަމަށެވެ.
5. އިލެކްޝަން ކޮމިޝަނުން ކެންޑިޑަސީ ބަލައިނުގަތުމަށް ނިންމި ނިންމުމާއި ގުޅިގެން ޢަބްދުލްމަޖީދުގެ ފަރާތުން ސުޕްރީމް ކޯޓުގައި ބުނެފައިވަނީ، ފޯމު ފުރިހަމަކޮށް މުއްދަތު ހަމަވީއިރު ހުށަހެޅިފައިނުވަނީ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކުށާއި ދަރަނީގެ ރެކޯޑް ފުރިހަމަކޮށްދީފައިނުވާތީ ކަމަށާއި، އިންތިޚާބަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވުމުގެ ކުރިން، އެކަން 01 ފެބްރުއަރީ 2026 ގައި އިލެކްޝަންސް ކޮމިޝަނަށް އަންގާފައިވާކަމަށެވެ. އަދި ދިމާވި ޓެކްނިކަލް މައްސަލައަކާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 95-CR/INDIV/2026/108 "ރަޖިސްޓްރާރގެ ނިންމުން" (ހައިކޯޓަށް ހުށަހެޅީ 8 ފެބްރުއަރީ 2026 ގައެވެ.) އބމ ގުޅިގެން، ޢަބްދުލްމަޖީދުގެ ކުށާއި ދަރަނީގެ ރެކޯޑް ސާފުކޮށްދެވިފައި ނުވާކަން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންނާއި ފެލިދެއަތޮޅު ފެލިދޫ މެޖިސްޓްރޭޓް ކޯޓުން، 4 ފެބްރުވަރީ 2026 ގައި ރަސްމީކޮށް ޢަބްދުލްމަޖީދަށް އަންގާފައިވާކަމަށެވެ. އަދި ރެކޯޑް ސާފުކޮށްދީފައިވަނީ 03 ފެބްރުއަރީ 2026 ގައި ކަމަށާއި، ހަމަ އެ ތާރީޚުގައި ޢަބްދުލްމަޖީދު އިލެކްޝަންސް ކޮމިޝަނަށް ކުށުގެ ރެކޯޑް ފޮނުވާފައިވާކަމަށެވެ.
6މީގެ އިތުރުން، ޢަބްދުލްމަޖީދުގެ ފަރާތުން ބުނެފައިވަނީ ދައުލަތުގެ އިދާރާތަކުން ފުރިހަމަކޮށްދޭންޖެހޭ ކަންކަން ނުކުރެވުމުގެ ނަތީޖާއެއްގެ ގޮތުން ޢަބްދުލްމަޖީދުގެ އަސާސީ ޙައްޤަކަށް އުނިކަން ލިބިގެންނުވާނެ ކަމަށެވެ.
އެދިފައިވާ ގޮތް
7ޢަބްދުލްމަޖީދުގެ ފަރާތުން އެދިފައިވަނީ މުއްދަތު ހަމަވީއިރު އިންތިޚާބުގައި ބައިވެރިވުމަށް އެދި ހުށަހެޅި ފޯމާއެކު ކުށާއި ދަރަނީގެ ރެކޯޑް ހުށަހެޅިފައިނުވަނީ، ދައުލަތުގެ އިދާރާތަކުން ފުރިހަމަކޮށްދޭންޖެހޭ ކަންކަން ފުރިހަމަކޮށް ނުދިނުމުގެ ސަބަބުންކަމަށްވާތީ، އިންތިޚާބުގައި ވާދަކުރުމުގެ ޙައްޤު ދިނުމުގެ ގޮތުން ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ޢަބްދުލްމަޖީދަށް ދޭންވާނެކަމަށް ކަނޑައަޅައިދިނުމަށާއި، 2026 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބު ބާއްވާއިރު، މާލެއަތޮޅު ގުރައިދޫ ކައުންސިލްގެ ރައީސްކަމަށް ވާދަކުރާ ކެންޑިޑޭޓެއްގެ ގޮތުގައި ޢަބްދުލްމަޖީދުގެ ނަން ހިމެނުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ޙުކުމްކޮށްދިނުމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ދެއްކި ވާހަކަ
8އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ބުނެފައިވަނީ ޢަބްދުލްމަޖީދުގެ ފަރާތުން ހުށަހެޅި އެޕްލިކޭޝަން ބަލައިނުގަތުމަށް ނިންމި ސަބަބަކީ، ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 17 ވަނަ މާއްދާގެ ދަށުން ހުށަހަޅަންޖެހޭ ލިޔެކިޔުން ފުރިހަމަނުވާތީކަމަށާއި، ޝަރުތު ފުރިހަމަވޭތޯ ބެލުމަށް ހުށަހަޅަންޖެހޭ ލިޔެކިޔުންކަމަށާއި، ލިޔެކިޔުން ފުރިހަމަނުވާނަމަ ޝަރުޠު ހަމަވާކަން ނުވަތަ ނޫންކަމަށް ކަށަވަރުނުކުރެވޭނެ ކަމަށެވެ.
9މީގެ އިތުރުން އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ކުށުގެ ރެކޯޑް ސާފުކުރުމުގައި ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކުށުގެ ރެކޯޑް ސާފުނުކުރެވޭކަމަށް ޢަބްދުލްމަޖީދުގެ ފަރާތުން ހުށަހެޅި ދެވަނަ އެޕްލިކޭޝަނާއެކު ސިޓީއަކުން އަންގާފައިވީނަމަވެސް، އެކަން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް އަންގާފައިވަނީ އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތުހަމަވީ ފަހުން ކަމަށެވެ.
ސުޕްރީމް ކޯޓުގެ އިޚްތިޞާޞް
10HN1އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 16 ވަނަ މާއްދާއާއި 17 ވަނަ މާއްދާގައި އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހާ ހުށަހަޅަންޖެހޭ މަޢުލޫމާތާއި ހުށަހަޅަންޖެހޭ ތަކެތި ބަޔާންކޮށްފައިވެއެވެ. އެގޮތުން އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 17 ވަނަ މާއްދާގެ (7) ވަނަ ނަންބަރުގައި އެ އިންތިޚާބަކާބެހޭ ޚާއްޞަ ޤާނޫނާއި ގަވާއިދުގައި ބުނެފައިވާ އިތުރު ތަކެތި ހުށަހަޅަންޖެހޭނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އެތަކެއްޗަކީ ކޮބައިކަން އިލެކްޝަންސް ކޮމިޝަނުން އިންތިޚާބު ބާއްވާކަން އަންގާ އާންމުކޮށް ކުރާ އިޢުލާނުގައި ތަފުޞީލުކޮށް ބަޔާންކޮށްފައި އޮންނަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.
11ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރުމަށް އެދި ކުރިމަތިލާ މީހުންގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުޠުތައް ބަޔާންކޮށްފައިވެއެވެ. އަދި އިލެކްޝަން ކޮމިޝަނުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026 އިޢުލާނުގައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭއިރު، ހުށަހަޅަންޖެހޭ ލިޔުންތަކާއި ތަކެތި ބަޔާންކޮށްފައިވެއެވެ. އެ ލިޔުންތަކުގެ ތެރޭގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ފުރިހަމަކޮށްފައިވާ އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހަޅާފަރާތުގެ މުޅި އުމުރަށް ސާފުކޮށްފައިވާ ކުށާއި ދަރަނީގެ ރެކޯޑް ހުށަހަޅަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.
12HN2މިގޮތުން އިންތިޚާބަށް ކުރިމަތިލުމަށް ހުށަހެޅުމުން، އެމީހެއްގެ ހުށަހެޅުން ޤަބޫލުކުރިކަން ނުވަތަ ޤަބޫލުނުކުރާކަން އިލެކްޝަންސް ކޮމިޝަނުން އެމީހަކަށް އަންގަންވާނެކަމަށް އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގައި ބަޔާންކުރެއެވެ. އެގޮތުން އިންތިޚާބަށް ކުރިމަތިލުމަށް އެދޭމީހާ ހުށަހަޅާ ހުށަހެޅުން އިލެކްޝަންސް ކޮމިޝަނުން ޤަބޫލުނުކުރާކަމަށް ކަނޑައެޅޭނެ 3 (ތިނެއް) ޙާލަތެއް އެ ޤާނޫނުގެ 21 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވެއެވެ. އެއީ: (1) އެ އިންތިޚާބަށް ކުރިމަތިލުމަށް ފުރިހަމަވާންޖެހޭ ޝަރުޠެއް ފުރިހަމަނުވާނަމަ، ނުވަތަ (2) އެ ޤާނޫނުގެ 16 ވަނަ މާއްދާއާއި 17 ވަނަ މާއްދާގެ ދަށުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭ މަޢުލޫމާތާއި ތަކެތި ފުރިހަމައަށް ނެތްނަމަ، ނުވަތަ (3) އެތަކެތީގެ ތެރެއިން އެއްޗެއް ޞައްޙަނޫންކަމަށް އިލެކްޝަންސް ކޮމިޝަނަށް ޤަބޫލުކުރެވޭ ޙާލަތެވެ.
13މި ގޮތުން އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ހުށަހެޅުން އިލެކްޝަންސް ކޮމިޝަނުން ޤަބޫލުނުކުރާނަމަ، އެމީހަކަށް އެކަން އަންގާއިރު ޤަބޫލުނުކުރި ސަބަބު ލިޔުމުން އަންގަންވާނެކަމަށް އެ ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. އެ ހުށަހެޅުން ޤަބޫލުނުކުރާކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާ ނިންމުމަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ނުވަތަ ހައިކޯޓުގައި އެ ނިންމުމުގެ ޞައްޙަކަމާމެދު ގޮތެއް ކަނޑައެޅުމަށް ހުށަހެޅިދާނެ ނިންމުންތަކެއްކަން އެ ޤާނޫނުގެ 21 ވަނަ މާއްދާގެ (ބ) އިން އެނގެއެވެ.
14އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 21 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ޢިބާރާތް ތިރީގައި ނަކަލުކުރަމެވެ. "އިންތިޚާބަށް ކުރިމަތިލުމަށް އެދޭމީހާއަށް މި މާއްދާގެ (ރ) ގެ ދަށުން އިލެކްޝަންސް ކޮމިޝަނުން އެންގި ސަބަބާމެދު އެމީހަކު ހިތްހަމަނުޖެހޭނަމަ، އަދި އެ ސަބަބަކީ އެ އިންތިޚާބަށް އެމީހަކު ކުރިމަތިލުމަށްޓަކައި ފުރިހަމަވާންޖެހޭ ޝަރުޠު ފުރިހަމަނުވާކަމަށް ނިންމާފައިވާ ނިންމުމެއްކަމުގައިވާނަމަ، އެ މައްސަލައެއް ސުޕްރީމް ކޯޓަށް، އަދި އެނޫންކަމަކާ ގުޅޭގޮތުން ނިންމާފައިވާ ނިންމުމެއްކަމުގައިވާނަމަ އެ މައްސަލައެއް ހައިކޯޓަށް، ހުށަހެޅުމުގެ އިޚްތިޔާރު އެމީހަކަށް ލިބިގެންވެއެވެ."
15HN3މި މާއްދާއަށް ބަލާއިރު، އިންތިޚާބަށް ކުރިމަތިލުމަށް އެދޭމީހާ އިންތިޚާބަށް ކުރިމަތިލުމަށް ފުރިހަމަވާންޖެހޭ ޝަރުޠެއް ފުރިހަމަނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާ ނިންމުން ބެލުމުގެ އިޚްތިޞާޞް ލިބިގެންވަނީ ސުޕްރީމް ކޯޓަށެވެ. އަދި އިންތިޚާބަށް ކުރިމަތިލުމަށް ހުށަހަޅަންޖެހޭ މައުލޫމާތާއި ތަކެތި ފުރިހަމަނުވާނަމަ، ނުވަތަ އެތަކެތީގެ ތެރޭގައި ސައްހަނޫން ތަކެތި ހިމެނޭނަމަ، އެ ސަބަބަށް ބިނާކޮށް އިލެކްޝަންސް ކޮމިޝަނުން ނިންމާ ނިންމުން ބެލުމުގެ އިޚްތިޞާޞް ސުޕްރީމް ކޯޓަށް ލިބިގެން ނުވާކަން ސާފުކޮށް އެނގެއެވެ.
16HN4ޢަބްދުލްމަޖީދުގެ ފަރާތުން އިންތިޚާބަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނަށް ކުރިމަތިލުމުން، އެކަން ޤަބޫލުނުކުރާކަމަށް އިލެކްޝަންސް ކޮމިޝަނުން އަންގާފައިވާ ސަބަބަކީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ފުރިހަމަކޮށް، އިންތިޚާބަށް ކުރިމަތިލާ މީހާގެ މުޅި އުމުރަށް ނަގާފައިވާ ކުށާއި، ދަރަނީ ރެކޯޑު ހުށަހަޅާފައިނުވުމެވެ. މިކަން ޢަބްދުލްމަޖީދުގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ތަކެތީގެ ޗެކް ލިސްޓުންވެސް އެނގެއެވެ. މި ޗެކް ލިސްޓަށް ބަލާއިރު ހުށަހަޅަންޖެހޭ ހުރިހާ ލިޔުމެއް އިލެކްޝަންސް ކޮމިޝަނަށް ލިބިފައިނުވާކަން އެނގެއެވެ. ލިޔެކިޔުން ފުރިހަމަވެފައި ނުވުމުގެ ސަބަބުން އިންތިޚާބަށް ކުރިމަތިލާ މީހެއްގެ ހައިސިއްޔަތުން ޢަބްދުލްމަޖީދުގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުޠުތަކުގެ ތެރޭގައި ހިމެނޭ ކުށާއި ދަރަނީގެ ރެކޯޑެއް އޮތްކަން ނުވަތަ ނޫންކަން އަދި ކުށެއް ސާބިތުވެފައިވާކަން ނުވަތަ ނޫންކަން އިލެކްޝަންސް ކޮމިޝަނަށް ބެލިފައިނުވެއެވެ.
17އެހެންކަމުން، އިލެކްޝަންސް ކޮމިޝަނުން ޢަބްދުލްމަޖީދުއަށް ދީފައިވާ ކެންޑިޑަސީ ޤަބޫލުނުކުރާކަމުގެ ލިޔުމަކީ، ޢަބްދުލްމަޖީދުގެ ފަރާތުން ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާތީ، އެ ސަބަބަށްޓަކައި ޝަރުޠު ފުރިހަމަވާކަން ނުވަތަ ނޫންކަން ކަށަވަރުނުކުރެވޭކަމަށް ބުނެ ދީފައިވާ ލިޔުމެކެވެ. އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހާ ހުށަހަޅަންޖެހޭ ވަކި މަޢުލޫމާތުތަކަކާއި އެ މަޢުލޫމާތާއެކު ހުށަހަޅަންޖެހޭ ތަކެތި ޤާނޫނުގައި ބަޔާންކޮށްފައިވާއިރު، އެ ހުށަހެޅުން ޤަބޫލުކުރަނީ އެ މަޢުލޫމާތާއި ތަކެއްޗަށް ބަލައިގެންނެވެ. ހުށަހަޅަންޖެހޭ މައުލޫމާތާއި ލިޔެކިޔުން ފުރިހަމަނުވާނަމަ، އިންތިޚާބަށް ކުރިމަތިލުމަށް ޝަރުޠު ފުރިހަމަވާކަން ބެލޭނެ ގޮތެއް ނޯންނާނެއެވެ.
18އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 21 ވަނަ މާއްދާގެ (ބ) ގެ ދަށުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އަސްލީ އިޚްތިޞާޞް ލިބިގެންވަނީ އިންތިޚާބަށް ކުރިމަތިލުމަށްޓަކައި ފުރިހަމަވާންޖެހޭ ޝަރުޠު ފުރިހަމަނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާ ނިންމުން ބެލުމަށެވެ. ޢަބްދުލްމަޖީދުގެ ފަރާތުން ހުށަހަޅާފައިވާ މި މައްސަލައަކީ، އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭ މަޢުލޫމާތު ފުރިހަމައަށް ހުށަހަޅާފައި ނެތުމުން، އެ ހުށަހެޅުން ބަލައިނުގަތުމަށް ނިންމާފައިވާ ނިންމުމެކެވެ. ވުމާއެކު، ޢަބްދުލްމަޖީދުގެ ފަރާތުން ހުށަހަޅާފައިވާ މި މައްސަލަ ބެލުމުގެ އިޚްތިޞާޞް ސުޕްރީމް ކޯޓަށް މިހިނދުގައި ލިބިގެންވާކަމަށް އަހުރެން ނުދެކެމެވެ.
19HN5އިންތިޚާބަށް ކުރިމަތިލުމަށް ހުށަހެޅި ހުށަހެޅުމާމެދު އިލެކްޝަންސް ކޮމިޝަނުން ނިންމާ ނިންމުންތައް ބެލުމުގެ އިޚްތިޞާޞް ހައިކޯޓާއި ސުޕްރީމް ކޯޓަށް ލިބިގެންވާއިރު، އިޚްތިޞާޞް ލިބިގެންވާ ކޯޓު ދެނެގަނެވޭނީ އިލެކްޝަންސް ކޮމިޝަނުން އެ ހުށަހެޅުން ބަލައިނުގަތުމަށް ނިންމާ ޙާލަތަށް ބަލައިގެންކަމަށްވާއިރު، އިލެކްޝަންސް އިލެކްޝަންސް ކޮމިޝަނުން ނިންމާ ނިންމުން ސާފުވާނެހެން އޮތުން މުހިއްމުކަމުގައި ދެކެމެވެ.
20އަދި މަތީގައި ބަޔާންކުރެވުނު ސަބަބުތަކަށްޓަކައި ޢަބްދުލްމަޖީދުގެ ފަރާތުން ހުށަހަޅާފައިވާ، ލިޔެކިޔުންތައް ފުރިހަމަނުވުމުގެ ސަބަބުން ޝަރުތު ފުރިހަމަވާކަން ކަށަވަރުކުރެވެން ނެތްކަމަށް އަންގައި ޢަބްދުލްމަޖީދު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026 އަށް ކުރިމަތިލުމަށް ހުށަހެޅި ހުށަހެޅުން، ޤަބޫލުކުރެވެން ނެތްކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަކީ މިހިނދުގައި ސުޕްރީމް ކޯޓަށް ބެލުމުގެ އިޚްތިޞާޞް ލިބިގެންނުވާ މައްސަލައެއް ކަމަށް ނިންމަން އަހުރެންނަށް ފެނެއެވެ.
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު
22މި މައްސަލައިގައި ފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު މުޙައްމަދު ސަލީމްގެ ރައުޔު
23މި މައްސަލައިގައި ފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ސަބަބުތައް އެހެންހުރުމާއެކު، ކ. ގުރައިދޫ، […] ޢަބްދުލްމަޖީދުގެ ފަރާތުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026 ގައި ކ. ގުރައިދޫ ކައުންސިލްގެ ރައީސްކަމަށް އަމިއްލަގޮތުން ކުރިމަތިލުމަށް ހުށަހެޅި ހުށަހެޅުމުގައި، އިންތިޚާބަށް ކުރިމަތިލުމަށް ހުށަހަޅަންޖެހޭ މައުލޫމާތާއި ތަކެތި ފުރިހަމަވެފައި ނުވުމުގެ ސަބަބުން ޢަބްދުލްމަޖީދުގެ ޝަރުޠު ފުރިހަމަވާކަން ކަށަވަރު ނުކުރެވޭކަމަށް ބުނެ ޢަބްދުލްމަޖީދުގެ ފަރާތުން ހުށަހަޅާފައި ހުށަހެޅުން ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަކީ ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 21 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ފަދައިން ސުޕްރީމް ކޯޓަށް އިޚްތިޞާޞް ލިބިގެންވާ ބާވަތުގެ މައްސަލައެއް ނޫންކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައި، ޙުކުމްކޮށްފީމެވެ. މި ޤަޝިއްޔާ ބަލައި ޙުކުމް ކުރީ: (ރިޔާސަތު)
ފުޓްނޯޓު
- ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026 ގައި ކ. ގުރައިދޫ ކައުންސިލްގެ ރައީސްކަމަށް އަމިއްލަ ގޮތުން ކުރިމަތިލުމަށް ޢަބްދުލްމަޖީދުގެ ފަރާތުން އެންމެ ފުރަތަމަ ހުށަހެޅީ 29 ޖެނުއަރީ 2026 ގައެވެ. އެ ހުށަހެޅުން ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމުން ޢަބްދުލްމަޖީދުގެ ފަރާތުން ދެވަނަ ފަހަރަށް 01 ފެބްރުއަރީ 2026 ގައި ފޯމު ހުށަހެޅިއެވެ. މި މައްސަލައިގައި ބެލެނީ ޢަބްދުލްމަޖީދުގެ ފަރާތުން ހުށަހެޅި ހުށަހެޅުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމެވެ.
- ކެންޑިޑަސީ ޤަބޫލުނުކުރާކަމުގެ ލިޔުން، 2 ފެބްރުއަރީ 2026
- އބމ
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 95-CR/INDIV/2026/108 "ރަޖިސްޓްރާރގެ ނިންމުން" (ހައިކޯޓަށް ހުށަހެޅީ 8 ފެބްރުއަރީ 2026 ގައެވެ.)
- އބމ
- IUL)38-AC/38/2026/43) "ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026 އަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލުން" 16 ޖަނަވަރީ 2026
- އިންތިޚާބާބެހޭ ޢާންމު ޤާނޫނުގެ 21 ވަނަ މާއްދާގެ (ށ)
- އބމ ގެ 21 ވަނަ މާއްދާގެ (ނ)
- އބމ ގެ 21 ވަނަ މާއްދާގެ (ހ) އަދި (ރ)
- ފުތް ރޯޓު 2
- ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރުމަށް އެދި ކުރިމަތިލާ މީހުންގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުޠުތައް ބަޔާންކޮށްފައިވާއިރު، އެ އަކުރުގެ 7 ވަނަ ނަންބަރުގައި އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ މީހަކު ކަމުގައިވުން؛ އަދި 8 ވަނަ ނަންބަރުގައި އެއްވެސް ޖިނާއީ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެ، ޙުކުމެއް ތަންފީޛުކުރަމުންދާ މީހަކު ކަމުގައި ނުވުން؛ އަދި 9 ވަނަ ނަންބަރުގައި ކުޑަކުއްޖަކާމެދު ބަދުއަޚްލާޤީ ޢަމަލެއް ހިންގިކަން ނުވަތަ މީހެއްގެ ޢިއްފަތްތެރިކަން ފޭރިގަތްކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައިނުވުން؛ އަދި އެ އަކުރުގެ 10 ގައި 11 ވަނަ ނަންބަރު އަދި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026 އާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ކުރި އިޢުލާނު ފުޓްނޯޓު 4
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 16 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 17 ވަނަ މާއްދާ (7 ވަނަ ނަންބަރު ހިމެނޭ ގޮތުން)
- ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 21 ވަނަ މާއްދާގެ (ހ)، (ށ)، (ނ)، (ރ) އަދި (ބ)
- ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) (7، 8، 9، 10 އަދި 11 ވަނަ ނަންބަރު)
- އިލެކްޝަންސް ކޮމިޝަނުގެ "ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026 އަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލުން" އިޢުލާނު (16 ޖަނަވަރީ 2026)
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.