ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2024] SC 07 · 2024/SC-C/01ސުޕްރީމް ކޯޓު · 29 ފެބުރުއަރީ 2024

ބަންޑާރަނައިބުގެ ފަރާތުން ހުށަހެޅި ދުސްތޫރީ މައްސަލަ

ސުޕްރީމް ކޯޓު
1 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 29 ފެބުރުއަރީ 2024ބާވަތް: ދުސްތޫރީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު [2024] SC 07 2024/SC-C/01 ޝަރީޢަތް ނިމުނުގޮތް ބަންޑާރަނައިބުގެ ފަރާތުން ހުށަހެޅި ދުސްތޫރީ މައްސަލަ ފަނޑިޔާރުންގެ މަޖިލީސް ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ފަނޑިޔާރު ޙުސްނުއް ސުޢޫދު ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ނިމުނު ތާރީޚު 29 ފެބްރުއަރީ 2024

މައްސަލަ ރައްދުވާ ފަރާތް މައްސަލަ ހުށަހެޅި ފަރާތް ނެތް ބަންޑާރަނައިބު، ހ. ވެލާނާގެ، މާލެ ޤާނޫނީ ވަކީލު: ކައުންސެލް ޖެނެރަލް ފާޠިމަތު ޙަލީމް ސީނިއަރ ސްޓޭޓް ކައުންސެލް ޙައްވާ ސަނާ

ދުސްތޫރީ މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާއަށް ގެނެސްފައިވާ އިޞްލާޙު، (ކ)، (އ) އަދި (ވ)، ޤާނޫނުއަސާސީގެ 71 ވަނަ މާއްދާ، 72 ވަނަ މާއްދާ، 78 ވަނަ މާއްދާ، "މަޖިލީހުގެ ޖުމުލަ މެންބަރުން" މާނަކުރުން

ފިހުރިސްތު

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު 1

ތަޢާރުފު 1

ކަންހިނގާފައިވާ ގޮތް 2

ދަޢުވާގެ ސީޣާ 5

ސުޕްރީމް ކޯޓަށް މި މައްސަލަ ބެލުމުގެ އިޚްތިޞާޞް 7

ސުޕްރީމް ކޯޓުގައި ބަންޑާރަ ނައިބު އުފައްދާފައިވާ ސުވާލު 12

ރައްޔިތުންގެ ބާރު 14

ހުސްވާ ގޮނޑިއަކަށް މެންބަރަކު އިންތިޚާބު ނުކުރުމަކީ ރައްޔިތުން ތަމްސީލުވުން އިސްތިސްނާވާ ހާލަތެއްތޯ 16

ޤާނޫނުއަސާސީއިން ހިމާޔަތް ކުރެވޭ ބައެއް ކަންކަން 21

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް އިސްލާޙު ގެންނަން މެދުވެރިވި ސަބަބު 28

ވާސިލުވެވޭ ނަތީޖާ 31

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު 33

ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު 33

ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު 33

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު 33

ޙުކުމް 33

` ބަންޑާރަނައިބުގެ ފަރާތުން ހުށަހެޅި ދުސްތޫރީ މައްސަލަ [2024] SC 07 ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު، ފަނޑިޔާރު ޙުސްނުއްސުޢޫދު އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި)

ތަޢާރުފު

1. މިއީ ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުންގެ ޢަދަދު ގުނުމާ ގުޅޭގޮތުން، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ 3 ވަނަ ދައުރުގެ 37 ވަނަ ޖަލްސާއިން ފާސްކޮށް، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާއަށް އިތުރުކޮށްފައިވާ (ކ)، (އ) އަދި (ވ) ގައި "މަޖިލީހުގެ ޖުމުލަ މެންބަރުން" މި ލަފުޒަށް ދީފައިވާ މާނަކުރުމަކީ ޤާނޫނުއަސާސީއާ ޚިލާފު މާނަކުރުމެއް ކަމަށް ބުނެ ބަންޑާރަނައިބު ހުށަހެޅި ދުސްތޫރީ މައްސަލައެކެވެ.

2. މި މައްސަލައަށް ޖަވާބުދާރީވާން ރައްޔިތުންގެ މަޖިލީހަށް ފުރުސަތު ދެވުނު ނަމަވެސް، ރައްޔިތުންގެ މަޖިލީސްވެސް ތަމްސީލުކުރަނީ ބަންޑާރަނައިބުކަމަށް ބަންޑާރަނައިބުގެ އޮފީހަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އަންގާފައިވާތީ، މި މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ ބަންޑާރަނައިބު ހުށަހަޅާފައިވާ ދަޢުވާލިބޭ ފަރާތެއް ނުހިމެނޭ އެކްސް ޕާޓޭ (ex parte) މައްސަލައެއްގެ ގޮތުގައެވެ.1

ކަންހިނގާފައިވާ ގޮތް

3. 18 ޑިސެންބަރު 2023 ގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާއަށް އިސްލާޙެއް ގެނައެވެ. މި އިސްލާޙުގައި އެ ގަވާއިދުގެ 49 ވަނަ މާއްދާއަށް (ކ)، (އ) އަދި (ވ) އިތުރުކުރެވުނެވެ. އެ އިސްލާޙުވަނީ އަންނަނިވި ފަދައިންނެވެ.

49. (ކ) މި ގަވާއިދުގެ ބޭނުމަށްޓަކައި މަޖިލީހުގެ ޖުމުލަ މެންބަރުންގެ ޢަދަދު ގުނުމުގައި ބަލާނީ އެ ވަގުތު މަޖިލީހުގެ މެންބަރުކަމުގައި ދެމިތިބި މެންބަރުންގެ ޖުމުލަ ޢަދަދަށެވެ.

(އ) ރައްޔިތުންގެ މަޖިލީހުގެ ޢުމުރު ހަމަވުމުގެ ސަބަބުން ނޫން ގޮތަކަށް އެއްވެސް އިންތިޚާބީ ދާއިރާއެއްގެ ގޮނޑި ހުސްވެއްޖެނަމަ، އެ އިންތިޚާބީ ދާއިރާއެއްގެ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމާ ހަމައަށް، މަޖިލީހުގެ ޖުމުލަ މެންބަރުންގެ ޢަދަދު ގުނުމުގައި އެ އިންތިޚާބީ ދާއިރާއެއް ނުގުނޭނެއެވެ.

(ވ) ހިނގަމުންދާ މަޖިލީހުގެ ޢުމުރެއްގައި، މަޖިލީހުގެ ޖުމުލަ މެންބަރުންގެ ޢަދަދަށް އެއްވެސް ބަދަލެއް އައިސްފިނަމަ، އެ ބަދަލެއް އަންނަ ތާރީޚާ ވިދިގެން އެންމެ އަވަހަށް ބާއްވާ މަޖިލީހުގެ ޖަލްސާއެއްގައި އެކަން މަޖިލީހުގެ ރައީސް އިޢުލާނުކުރަންވާނެއެވެ.

4. މި އިސްލާޙުގެ ނަތީޖާއަކީ ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުންގެ ޢަދަދު ގުނުމުގައި އެވަގުތު މެންބަރަކު ތަމްސީލުނުކުރާ ދާއިރާތައް، ނުވަތަ ހުސްވެފައިވާ ގޮނޑިތައް ނުހިމެނޭ ގޮތަށް މަޖިލީހުގެ ޖުމުލަ މެންބަރުންގެ ޢަދަދު ކަނޑައެޅިގެންދިޔުމެވެ.

5. މި އިސްލާޙު ގެންނަންޖެހުނު ސަބަބުކަމަށް ރައްޔިތުންގެ މަޖިލީހުގެ ޢާންމު ކޮމިޓީގެ ނަންބަރު M19/AM/2023/03 (14 ޑިސެންބަރު 2023) ރިޕޯޓުގައި ބަޔާންކޮށްފައިވަނީ، ޤާނޫނުއަސާސީގައި ކަނޑައަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ޤާނޫނީ ޢަދަދު ހަމަކުރުމަށް ދަތިވާތީކަމަށާއި، ޤާނޫނުއަސާސީގައި ބަޔާންކުރާ މުހިންމު ކަންކަން ފާސްކުރުމަށް ކޮންމެހެން ލާޒިމުކުރާ ޢަދަދު ހަމަކުރުމަށް ދަތިވާނެ ޙާލަތްތައް އައުން އެކަށީގެންވާތީކަމަށާއި، އަދި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ހުރަސް އެޅޭފަދަ ޙާލަތްތައް ކުރިމަތިވެދާނެކަމަށް ފެންނަކަމަށް ފާހަގަކޮށެވެ.

6. މި މައުޟޫއުއާ ގުޅޭ 12 ޑިސެންބަރު 2023 ގެ ޢާންމު ކޮމިޓީގެ 21 ވަނަ ބައްދަލުވުމުގެ ޔައުމިއްޔާ ބެލިއިރު، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާއަށް އަކުރުތަކެއް އިތުރުކޮށް އެ މާއްދާ އިސްލާޙުކުރުން އެއީ ކޮމިޓީގެ އެ ދުވަހުގެ އެޖެންޑާގެ އެންމެ ފުރަތަމަ އައިޓަމް ކަމުގައިވާއިރު، އެ އައިޓަމްއާ ގުޅިގެން ކޮމިޓީގެ މެންބަރުން މަޝްވަރާކޮށްފައިވަނީ އޮފް ދަ ރިކޯޑުގައި (ޔައުމިއްޔާ ނުކުރާގޮތަށް) ކަން ޔައުމިއްޔާގައި ބަޔާންކޮށްފައިވެއެވެ. އަދި އެއަށް ފަހު ހުށަހެޅުނު އިސްލާޙު ކޮމިޓީގެ މެންބަރުންގެ އިއްތިފާޤުން ފާސްވިއެވެ.

7. މި އިސްލާޙު އެއިގެ 6 ދުވަސް ފަހުން 18 ޑިސެންބަރު 2023 ގައި ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ފާސްކުރިއެވެ. މަޖިލީހުގެ ތަޅުމުގައި ކުރެވުނު ބަހުސަށް ބަލާއިރު، ގަވާއިދަށް އިސްލާޙު ގެންނަން މެދުވެރިވި ސަބަބަށް އެއްވެސް މެންބަރެއްގެ ފަރާތުން ތަފްސީލުކޮށް އަލިއަޅުވާލާފައިނުވެއެވެ.2 ނަމަވެސް މެންބަރުންގެ މެދުގައި މި އިސްލާޙަކީ ޤާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން ގެނެވޭ އިސްލާޙަކާ މެދު ޚިޔާލު ތަފާތުވުންތަކެއް ހުރިކަން ފާހަގަކުރެވެއެވެ.

8. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ޤާނޫނީ ޢަދަދު ހަމަކުރުމަށް ދަތިވެގެން ޖަލްސާއެއް ނުބޭއްވުނު ހާލަތެއް، ނުވަތަ ޤާނޫނުއަސާސީގައި ބަޔާންކުރާ މުހިންމު ކަމެއް ފާސްނުކުރެވިގެން މަޖިލީހުގެ މަސައްކަތް މަރުތަޅު އެޅުވިގެން އުޅޭ ހާލަތެއް، ނުވަތަ އެނޫންވެސް ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ހުރަސް އެޅޭފަދަ ހާލަތަކީ ކޮބައިކަން އެއްވެސް މިންވަރަކަށް މަޖިލީހުގެ ލިޔެކިޔުންތަކުގައި ތަފްސީލުކުރެވިފައި ނުވެއެވެ.

9. އިލެކްޝަންސް ކޮމިޝަނުގެ "ރައްޔިތުންގެ މަޖިލީހުގެ 2019 ވަނަ އަހަރުގެ އިންތިޚާބީ ދާއިރާތައް ކަނޑައަޅާފައިވާގޮތުގެ ފައިނަލް ރިޕޯޓު" (27 ޑިސެންބަރު 2018) ގައި ރައްޔިތުންގެ މަޖިލިސް އިންތިޚާބު 2019 ގައި އިންތިޚާބުކުރަންޖެހޭ ގޮނޑީގެ ޢަދަދަކީ 87 ކަމަށް ކަނޑައަޅާފައިވެއެވެ.

10. އިލެކްޝަންސް ކޮމިޝަނުން މި ޢަދަދަށް ވާސިލުވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 71 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލު، އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ޤާނޫނުގެ3 5 ވަނަ މާއްދާގެ (ހ) ގައި ވެސް ތަކުރާރު ކުރެވިފައިވާ ޤާނޫނުއަސާސީގެ 71 ވަނަ މާއްދާގެ އެ އުސޫލު ތަތުބީޤު ކޮށްގެންނެވެ.

11. ނޮވެންބަރު 2023 ގައި އައު ރައީސުލްޖުމްހޫރިއްޔާ މަޤާމާ ޙަވާލުވުމާއެކު، ރައްޔިތުންގެ މަޖިލީހުގެ 7 މެންބަރެއް އިސްތިއުފާދިނެވެ. އެހެންކަމުން މަޖިލީހުގައި އިންތިޚާބީ ދާއިރާތައް ތަމްސީލުކުރަމުން ދިޔަ މެންބަރުންގެ ޢަދަދު 87 އިން 80 އަށް ދަށްވިއެވެ. މި ގޮނޑިތައް ހުސްވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ޢާންމު އިންތިޚާބަށް 6 މަސް ދުވަހަށްވުރެ ކުރު މުއްދަތަކަށް ވެފައިވަނިކޮށެވެ. ޤާނޫނުއަސާސީގެ 78 ވަނަ މާއްދާގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ޢާންމު އިންތިޚާބަށް 6 މަސް ދުވަހަށްވުރެ ކުރު މުއްދަތަކަށް ވެފައިވަނިކޮށް ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް ހުސްވެއްޖެނަމަ، އެ ދާއިރާތަކަށް މެންބަރެއް އިންތިޚާބު ނުކުރެވެއެވެ.

12. ކަންމިހެން އޮތްއިރު، ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 49 ވަނަ މާއްދާއަށް އިތުރު ކުރެވުނު (ކ)، (އ) އަދި (ވ) އަށް ޢަމަލުކުރަން ފެށިފަހުން، މަޖިލިސް ޖަލްސާތަކުގެ ޤާނޫނީ ޢަދަދާއި ކަންކަން ފާސްކުރަން ބޭނުންވާ އަޣުލަބިއްޔަތުގެ ނިސްބަތް ބަލާފައިވަނީ މަޖިލީހުގެ ޖުމުލަ ޢަދަދަކީ 87 މެންބަރުންގެ ބަދަލުގައި 80 މެންބަރުން ކަމުގައި ބަލައިގެންނެވެ.

13. ބަންޑާރަނައިބުގެ ފަރާތުން ބުނަނީ މިއީ ޤާނޫނުއަސާސީއާ ޚިލާފުކަމެއް ކަމުގައެވެ.

ދަޢުވާގެ ސީޣާ

14. މި މައްސަލައަކީ، ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުންގެ ޢަދަދު ގުނުމާ ގުޅޭގޮތުން، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ 3 ވަނަ ދައުރުގެ 37 ވަނަ ޖަލްސާއިން ފާސްކޮށް، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާއަށް އިތުރުކޮށްފައިވާ، (ކ)، (އ) އަދި (ވ) ގައި "މަޖިލީހުގެ ޖުމުލަ މެންބަރުން" މި ލަފުޒަށް ދީފައިވާ މާނަކުރުމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުން ގުނާނީ މަޖިލީހުގައި ހުސްވެފައިވާ ގޮނޑިތައް ނުހިމެނޭ ގޮތުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 71 ވަނަ މާއްދާގައި ބުނާ އެ މަޖިލީހުގެ ޢަދަދު (އެހެނީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުންގެ ގޮތުގައި ތިބެންޖެހޭކަމަށް ޤާނޫނުއަސާސީގެ ދަށުން ކަނޑައަޅާފައިވާ 87 މެންބަރުން) މަދުވާގޮތަށް ކަމުގައި ވާތީއާއި، ރައްޔިތުންގެ މަޖިލީހުން ކަމެއް ފާސްކުރުމަށްޓަކައި ބޭނުންވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު ކަނޑައަޅާފައިވަނީ، ޤާނޫނުއަސާސީގެ 71 ވަނަ މާއްދާއާ ޚިލާފަށް އަދި ޤާނޫނުއަސާސީގެ 86 ވަނަ މާއްދާއާއި، 87 ވަނަ މާއްދާއާއި، 88 ވަނަ މާއްދާއާއި، ހަމައެހެންމެ، ޤާނޫނުއަސާސީގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރަންޖެހޭ ކަންކަން ބަޔާންކުރާ، ޤާނޫނުއަސާސީގެ 3 ވަނަ މާއްދާ، 80 ވަނަ މާއްދާ، 85 ވަނަ މާއްދާގެ (ށ)، 86 ވަނަ މާއްދާ، 87 ވަނަ މާއްދާގެ (ހ) އަދި (ށ)، 88 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރާއި، 91 ވަނަ މާއްދާގެ (ށ)، 100 ވަނަ މާއްދާގެ (ށ)، 100 ވަނަ މާއްދާގެ (ބ)، 101 ވަނަ މާއްދާގެ (ނ)، 154 ވަނަ މާއްދާގެ (ށ)، 210 ވަނަ މާއްދާ، 215 ވަނަ މާއްދާ، 221 ވަނަ މާއްދާ، 250 ވަނަ މާއްދާގެ (ށ)، 251 ވަނަ މާއްދާގެ (ނ)، 257 ވަނަ މާއްދާގެ (ށ) އަދި (ނ)، އަދި 261 ވަނަ މާއްދާއާ ތައާރުޒުވާގޮތަށް ކަމުގައިވާތީ އާއި، ޤާނޫނުއަސާސީގެ 268 ވަނަ މާއްދާއަށް ރިޢާޔަތް ކުރާއިރު، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް އިތުރުކޮށްފައިވާ 49 ވަނަ މާއްދާގެ (ކ)، (އ) އަދި (ވ) އަކީ ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ހ) އިން ގަވާއިދު ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ އިޚްތިޔާރުގެ ބޭރުން ނިންމާފައިވާ ނިންމުމެއް ކަމުގައިވާތީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާގެ (ކ)، (އ) އަދި (ވ) އަކީ ބާޠިލު އަކުރުތަކެއް ކަމުގައި ކަނޑައަޅައި ދިނުމަށް އެދި ޤާނޫނުއަސާސީގެ 133 ވަނަ މާއްދާގެ (ބ) އިން މަތިކޮށްފައިވާ މަސްއޫލިއްޔަތުގެ ދަށުން ބަންޑާރަނައިބު ހުށަހަޅާފައިވާ މައްސަލައެކެވެ.

15. މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުނު ފަހުން، އެހެންނަމަވެސް މި މައްސަލައިގެ އަޑުއެހުމެއް ބޭއްވުމުގެ ކުރިން، 19 ފެބްރުއަރީ 2024 ގައި ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 8 ވަނަ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާގެ (ކ)، (އ) އަދި (ވ) ބާޠިލުކުރުމަށް ފާސްކުރިއެވެ. 21 ފެބްރުއަރީ 2024 ގައި ސުޕްރީމް ކޯޓުގައި ބޭއްވުނު މި މައްސަލައިގެ އަޑުއެހުމުގައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާގެ (ކ)، (އ) އަދި (ވ) އަކީ މިހާރު ބާޠިލުކޮށްފައިވާ އަކުރުތަކެއްތޯ މި މައްސަލަ ބެލި ފަނޑިޔާރުން ބަންޑާރަނައިބާ ސުވާލުކުރުމުން، ބަންޑާރަނައިބުގެ ފަރާތުން ބުނެފައިވަނީ އެ އަކުރުތައްވަނީ ބާޠިލުކޮށްފައި ކަމަށާއި، ނަމަވެސް އަދިވެސް ސުޕްރީމް ކޯޓުގެ ކިބައިން އެދެނީ އެ އަކުރުތަކަކީ ބާޠިލު އަކުރުތަކެއް ކަމަށް ކަނޑައަޅައިދިނުމަށެވެ. ބަންޑާރަނައިބުގެ މި ވިސްނުން ބިނާވާ ސަބަބަކީ ސުޕްރީމް ކޯޓުން މި މައްސަލައާ ގުޅޭ ވަގުތީ އަމުރެއް ނެރެފައި އޮއްވައި މަޖިލިސް ގަވާއިދުގެ 49 ވަނަ މާއްދާގެ (ކ)، (އ) އަދި (ވ) އާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް އެއްވެސް ފިޔަވަޅެއް ނޭޅޭނެކަމަށް ބުނާ ބުނުމެވެ.

16. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާގެ (ކ)، (އ) އަދި (ވ) އަކީ މިހާރު ބާޠިލުކޮށްފައިވާ އަކުރުތަކެއް ކަމުގައިވީނަމަވެސް، ބަންޑާރަނައިބުގެ ފަރާތުން މި މައްސަލަ އަނބުރާ ގެންދަން ބޭނުންނުވާހައި ހިނދަކު، މި މައްސަލައިގައި ހުށަހަޅާފައިވާ ޤާނޫނީ ނުކުތާތައް އެގޮތުގައި ދެމި އޮންނާނެއެވެ. އަދި އެ ނުކުތާތަކާމެދު ކޯޓުން ގޮތް ކަނޑައަޅަންޖެހެއެވެ. މަހައްލު ގެއްލިފައިވާ ނުވަތަ ފާއިލިއްޔަތު ގޮސްފައިވާ މަދަނީ އަދި ޖިނާއީ މައްސަލަތަކުގައިވެސް މިހައިތަނަށް ކޯޓުތަކުން ޢަމަލުކުރަމުން އަންނަ ގޮތަކީ، އެ މައްސަލައެއްގައި ޤާނޫނީ ފަރުވާއެއް ނުދެވުނު ނަމަވެސް، އެ މައްސަލައެއްގައި ހުށަހަޅާފައިހުރި ޤާނޫނީ ނުކުތާތަކާ މެދު ގޮތް ކަނޑައެޅުމެވެ. މި ކޯޓުން މީގެ ކުރިން ނިންމާފައިވާ ބަނީ ހޯލްޑިންގސް (ބީ.ވީ.އައި) ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (ދައުލަތް) ގަޒިއްޔާގައިވެސް، މައްސަލަ ހުށަހަޅާ ފަރާތުން މައްސަލަ އަނބުރާ ނުގެންދާނަމަ، މަޙައްލު ގެއްލިފައިވާކަމަށް ބެލެވޭ ޙާލަތްތަކުގައިވެސް ކޯޓަށް ހުށަހެޅިފައިވާ ޤާނޫނީ ނުކުތާއަށް ގޮތް ކަނޑައެޅުމަކީ ކޯޓުގެ ޒިންމާއެއްކަމަށް ފާހަގަކޮށްފައިވެއެވެ.4

17. ވުމާއެކު، ހުށަހަޅާފައިވާ މުޅި މައްސަލަ ބިނާވެފައިވަނީ ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ރައްޔިތުން ތަމްސީލުކުރުމުގެ މައްޗަށް އެކަނި ކަމުގައި ނުވާތީއާއި، މި މައްސަލަ ނިމޭ ގޮތަކުން ޤާނޫނުއަސާސީގެ ސިޔާދަތާއި، އޮނިގަނޑާއި އަދި ޤާނޫނުއަސާސީއިން ކަށަވަރުކޮށްދީ، އަދި ހިމާޔަތްކޮށްދީފައިވާ ކަންކަމަށް އަސަރުކުރާނެ ކަމަށް ޤަބޫލުކުރެވޭތީ، މި މައްސަލައިގައި ހުށަހަޅާފައިހުރި ޤާނޫނީ ނުކުތާތަކަށް ފައިސަލާކުރަންޖެހޭ ކަމުގައި ދެކެމެވެ.

ސުޕްރީމް ކޯޓަށް މި މައްސަލަ ބެލުމުގެ އިޚްތިޞާޞް

18. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ށ) ގައި ޤާނޫނުއަސާސީގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ކަމެއް ހިނގިގޮތުގެ ޞައްޙަކަން ބެލުމަށްޓަކައި އެއްވެސް ކޯޓަކަށް މައްސަލައެއް ހުށަނޭޅޭނެކަމަށް ބަޔާންކޮށްފައިވެއެވެ.

19. ނަމަވެސް ޤާނޫނުއަސާސީއިން ރައްޔިތުންގެ މަޖިލީހަށް ލިބިދެވިފައިމިވާ ބަރުލަމާނީ އިމްތިޔާޒުއަކީ މުތުލަޤަށް ލިބިދެވިފައިވާ އިމްތިޔާޒެއް ނޫނެވެ. އެހެނީ، ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ށ) ގެ ސަރީޙަ އިބާރާތުން "ޤާނޫނުއަސާސީގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު" މި އިބާރާތުން ދޭހަވާ މާނައަކީ ޤާނޫނުއަސާސީގައި ކަނޑައެޅިފައި ހުންނަ ކަންކަމާ ޚިލާފަށް ރައްޔިތުންގެ މަޖިލީހަށްވެސް ޢަމަލުނުކުރެވޭނެ ކަމެވެ.

20. ޤާނޫނުއަސާސީގެ 8 ވަނަ މާއްދާގައި ދިވެހިދައުލަތުގެ އެންމެހައި ބާރުތައް ހިންގަންވާނީ ޤާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިންކަމަށް ބަޔާންކޮށްފައިވާއިރު، ޤާނޫނުއަސާސީގެ 69 ވަނަ މާއްދާގެ ދަށުން އެއްވެސް ޙައްޤަކަށް ނުވަތަ މިނިވަންކަމަކަށް އުނިކަމެއް ލިބޭނެފަދަ ޢަމަލެއް ކުރުމުގެ، ނުވަތަ އެފަދަ ޢަމަލެއްގައި ބައިވެރިވުމުގެ ޙައްޤު ދައުލަތް ހިމެނޭ ގޮތަށް އެއްވެސް ފަރާތަކަށް ލިބޭނެފަދަ ގޮތަކަށް ޤާނޫނުއަސާސީގެ އެއްވެސް މާއްދާއެއް މާނަކޮށް ނުވަތަ ތަރުޖަމާކޮށްގެން ނުވާނެކަމަށް ބަޔާންކޮށްފައިވެއެވެ. ހަމަ އެފަދައިން ޤާނޫނުއަސާސީގެ 268 ވަނަ މާއްދާގައި ޤާނޫނުއަސާސީއާ ޚިލާފަށް ހަދާ ކޮންމެ ޤާނޫނެއް ނުވަތަ ޤާނޫނުން ބައެއްވިޔަސް ނުވަތަ ޤާނޫނުއަސާސީއާ ޚިލާފަށް ކުރާ ކޮންމެ ޢަމަލެއް ބާޠިލުވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

21. ރައްޔިތުންގެ މަޖިލީހުންވެސް ޤާނޫނުއަސާސީއާ ޚިލާފަށް ޢަމަލުކުރާ ކަމަށް ބުނެ ހުށަހަޅާ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ކޯޓުތަކަށް ލިބިގެންވާކަމަށް މީގެ ކުރިންވެސް މި ކޯޓުން ނިންމާފައިވާ ޑޮކްޓަރ މުޙައްމަދު ޖަމީލް އަޙްމަދު ވ. ރައްޔިތުންގެ މަޖިލީހުގެ އިދާރާ (ދިވެހި ދައުލަތް)5 ގަޒިއްޔާގައާއި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ވ. ދައުލަތް (ރައްޔިތުންގެ މަޖިލީހުގެ އިދާރާ)6 ގަޒިއްޔާގައި ކަނޑައަޅާފައިވެއެވެ.

22. ޤާނޫނުއަސާސީގެ 144 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގެ ކޮންމެ ކޯޓަކަށްމެ އެ ކޯޓުގެ އިޚްތިޞާޞް ތެރޭގައި ހިމެނޭނަމަ، ދުސްތޫރީ މައްސަލަ ބެލުމުގެ ބާރު ލިބިގެންވެއެވެ. ޤާނޫނުއަސާސީގެ 274 ވަނަ މާއްދާގައި، ދުސްތޫރީ މައްސަލަ ކަމަށް ބުނެފައިވަނީ ޤާނޫނުއަސާސީގެ މާއްދާއެއް ނުވަތަ މާއްދާއެއްގެ ބައެއް ވިޔަސް މާނަކުރާން ޖެހިއްޖެނަމަ އެކަމުގައި ގޮތެއް ކަނޑައެޅުމަށްޓަކައި ބެލޭ މައްސަލަތަކާއި، ޤާނޫނެއް ނުވަތަ ޤާނޫނެއްގެ ބައެއް ނުވަތަ ގަވާއިދެއް، ނުވަތަ ގަވާއިދުން ބައެއް، ނުވަތަ ދައުލަތުގެ އިދާރާއަކުން ނެރޭ އަމުރެއް ނުވަތަ އެއިން އިދާރާއެއްގެ މުވައްޒަފަކު ކުރާ ކަމެއް ނުވަތަ ނިންމާފައިވާ ނިންމުމެއްވިޔަސް ޤާނޫނުއަސާސީއާ ޚިލާފުވޭތޯ ބަލައި، އެކަމުގައި ގޮތެއް ނިންމަންޖެހޭ ކޮންމެ މައްސަލައެއް ކަމަށެވެ.

23. ޤާނޫނުއަސާސީގެ 144 ވަނަ މާއްދާގެ (ށ) ގައި ދުސްތޫރީ މައްސަލަތައް ބެލުމުގެ ތެރެއިން އެހެނިހެން އަމުރުތައް ނެރުމުގެ ބާރު ކޯޓުތަކަށް ލިބިގެންވެއެވެ. މިއީ ސީދާ ޤާނޫނުއަސާސީއިން ކޯޓުތަކަށް ލިބިދީފައިވާ ބާރެއްކަން ފާހަގަކުރަމެވެ.

24. ސުޕްރީމް ކޯޓުން އިސްތިއުނާފީ މަރުހަލާގެ ބޭރުން، އަޞްލީ އިޚްތިޞާޞް ލިބިގެންވާ ދުސްތޫރީ މައްސަލައެއް ބެލޭނީ ވަރަށް އިސްތިސްނާ ހާލަތެއްގައެވެ. ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގައި ސުޕްރީމް ކޯޓަށް އަޞްލީ އިޚްތިޞާޞް ލިބިގެންވަނީ އަންނަނިވި ސިފަތައް ލިބިގެންވާ ދުސްތޫރީ މައްސަލަތައް ބެލުމަށެވެ.7

(1) އެ މައްސަލައަކީ ޤައުމު ދުސްތޫރީ ހުސްކަމަކަށް ހިނގައިދާނެ ނުވަތަ ދުސްތޫރީ ނިޒާމުން ބޭރުވެދާނެފަދަ ޤާނޫނީ ސަބަބުތަކެއް އެކުލެވިގެންވާ މައްސަލައެއް ކަމުގައިވުން؛ ނުވަތަ

(2) އެ މައްސަލައަކީ ދައުލަތުގެ ދެ މުއައްސަސާއެއްގެ ދެމެދުގައި ނުވަތަ ދެބާރެއްގެ ދެމެދުގައި ޤާނޫނުއަސާސީ މާނަކުރުމާ ގުޅޭގޮތުން އުފެދޭ މައްސަލައެއް ކަމުގައިވުން؛ ނުވަތަ

(3) އެ މައްސަލައަކީ ޤައުމުގެ ޢާންމު މަޞްލަޙަތާ ގުޅިފައިވާ ދުސްތޫރީ މައްސަލައެއް ކަމުގައިވުމެވެ.

25. ބަންޑާރަނައިބުގެ ފަރާތުން ބުނެފައިވަނީ މި މައްސަލައިގައި ބަޔާންވެދިޔަ ތިން ހާލަތްވެސް ފުރިހަމަވާ ކަމަށެވެ.

26. ހުށަހެޅިފައިވާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި މަޖިލީހުގެ ޖުމުލަ މެންބަރުންގެ ޢަދަދު މާނަކުރުމުގައި ރައްޔިތުންގެ މަޖިލީހާއި ބަންޑާރަނައިބާ ދެމެދު ޚިޔާލު ތަފާތުވުމެއް އުފެދިފައިވެއެވެ. އެގޮތުން ބަންޑާރަނައިބުގެ ފަރާތުން ބުނަނީ ޤާނޫނުއަސާސީގެ 71 ވަނަ މާއްދާގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު ކަނޑައަޅާނެ ގޮތް ބަޔާންކޮށްފައިވާއިރު، ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ދެމި އޮންނާނީ ރައްޔިތުންގެ ކިބައިގައި ކަމަށް ޤާނޫނުއަސާސީގެ 4 ވަނަ މާއްދާގައި ކަނޑައަޅާފައިވާކަމަށެވެ. އަދި ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ނ) ގައި، ޤާނޫނުއަސާސީގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، ޢުމުރުން 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށްމެ އެ މީހަކު އަމިއްލައަށް ނުވަތަ އެ މީހަކު މިނިވަންކަމާއެކު އިޚްތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ޙައްޤު ލިބިގެންވާކަމަށެވެ.

27. ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގައި ރައްޔިތުން ފުރިހަމައަށް ތަމްސީލުވާނޭ އަދި އެބައިމީހުންގެ ފުރިހަމަ ބައިވެރިވުން ލިބޭނޭ ދީމިޤްރާޠީ އުޞޫލުތައް އެކުލެވޭނޭ، ޖަވާބުދާރީވާ، ހާމަކަންބޮޑު ގޮތަކަށް ރައްޔިތުންގެ މަޖިލިސް ހިންގުމަށް ބޭނުންވާނޭ ގަވާއިދުތަކާއި އުސޫލުތައް އެ މަޖިލީހުން ކަނޑައަޅާންވާނެ ކަމަށް ބަޔާންކޮށްފައިވާއިރު، ޤާނޫނުއަސާސީގެ 75 ވަނަ މާއްދާގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެބައިމީހުން އިންތިޚާބުވީ ދާއިރާތައް ތަމްސީލުކުރުމުގައި މުޅި ޤައުމާއި ހުރިހައި ރައްޔިތުންގެ ލާބަޔާއި މަންފާއަށް ރިޢާޔަތް ކުރަންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

28. ކަންމިހެން އޮތްއިރު، ރައްޔިތުންގެ މަޖިލިހުގެ ގަވާއިދު އިސްލާޙުކޮށް، މަޖިލީހުން އިސްތިއުފާ ދިން މެންބަރުންގެ ދާއިރާތަކަކީ އެ ދާއިރާތައް ތަމްސީލުކުރާނެ މެންބަރެއް ނެތުމުން، ނެތް ދާއިރާތަކެއް ކަމަށް ކަނޑައަޅައި، އެ ދާއިރާތައް ނެތުމުގެ ސަބަބުން ޤާނޫނުއަސާސީގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ޤާނޫނީ ޢަދަދާމެދު ސުވާލު އުފެއްދުމަށް ފުރުސަތު ހުޅުވި، އަދި އެފަދަ ޖަލްސާތަކުން ނިންމާ ނިންމުންތަކުގެ ސައްޙަކަމާމެދުވެސް ސުވާލު އުފެއްދުމުގެ ފުރުސަތު އޮތް ކަމެއްކަން ފާހަގަކުރެވެއެވެ.

29. ރައްޔިތުންގެ މަޖިލީހުން ނިންމާ ނިންމުންތަކަކީ ސީދާ ރައްޔިތުންނަށް އޭގެ ސަބަބުން އަސަރުކުރާނެ، ޤައުމު ދުސްތޫރީ ނިޒާމުން ބޭރަށް ދިޔުމުގެ ފުރުސަތު އޮތް، އަދި ރައްޔިތުންގެ ޢާންމު މަސްލަހަތާ ސީދާ ގުޅިފައިވާ މައްސަލައެއްކަމަށް ބުރަވެވެއެވެ. އަދި މިއީ ރައްޔިތުންގެ މަޖިލީހާއި ބަންޑާރަނައިބާ ދެމެދު ޤާނޫނުއަސާސީ މާނަކުރުމުގައި އުފެދިފައިވާ ޚިޔާލު ތަފާތު ވުމެއް ކަމުން، އަދި މި މައްސަލައަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ތިން ހާލަތަށްވެސް ފެތޭ މައްސަލައެއް ކަމުން، މި މައްސަލަ ބެލުމުގެ އަޞްލީ އިޚްތިޞާޞް ސުޕްރީމް ކޯޓަށް ލިބިގެންވާ ކަމުގައި ދެކެމެވެ.

30. މި މައްސަލަ ނިމޭ ގޮތަކުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާގެ (ކ)، (އ) އަދި (ވ) އަށް ބަރޯސާވެ، މަޖިލީހުގެ އެއްވެސް ކަމެއް، އަދި ޚާއްސަކޮށް ރައްޔިތުންގެ މައްޗަށް ހިނގާނެ ކަންކަމުގައި ނިންމާ ނިންމުންތަކުގެ ޞައްޙަކަމާމެދު ފަހުން ސުވާލު އުފައްދައި، އެފަދަ ނިންމުންތަކަށް ޢަމަލުނުކުރުމުގެ އިހުތިމާލު އޮތަތީ، މި މައްސަލަ ބަލަމުން ދިޔަ މުއްދަތުގައި ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ ޢަދަދު ގުނާއިރު ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާގެ (ކ)، (އ) އަދި (ވ) އަށް އެވަގުތު ޢަމަލުނުކުރުމަށް މި މައްސަލަ ބެލި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ވަގުތީ އަމުރެއް ނެރެވުނެވެ.

ސުޕްރީމް ކޯޓުގައި ބަންޑާރަ ނައިބު އުފައްދާފައިވާ ސުވާލު

31. ބަންޑާރަނައިބުގެ ފަރާތުން މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަމުން ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާއަށް އިތުރުކޮށްފައިވާ (ކ)، (އ)، އަދި (ވ) އަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާ ޚިލާފު އިސްލާޙެއްކަމަށެވެ.

32. އެގޮތުން، 7 އޮގަސްޓް 2008 ގައި ޤާނޫނުއަސާސީއަށް ޢަމަލުކުރަންފެށި ފަހުން އިންތިޚާބުކޮށްފައިވާ 17 ވަނަ، 18 ވަނަ އަދި ނޮވެންބަރު 2023 ގެ ނިޔަލަށް 19 ވަނަ ރައްޔިތުންގެ މަޖިލީހުންވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޖުމުލަ ޢަދަދު ގުނާފައިވަނީ ހުސްވެފައިވާ ގޮނޑިތައް ހިމެނޭގޮތަށް މަޖިލީހުގެ ޖުމުލަ މެންބަރުންގެ ޢަދަދަށް ބަލައިގެންކަމަށް ބަންޑާރަނައިބު ފާހަގަކުރެއެވެ.

33. ބަންޑާރަނައިބުގެ ފަރާތުން ބުނަނީ ރައްޔިތުންގެ މަޖިލީހުގައި ހުސްވެފައިހުރި ގޮނޑިތައް ނުހިމަނައި މަޖިލީހުގެ ޖުމުލަ މެންބަރުންގެ ޢަދަދު ގުނުމަކީ ޤާނޫނުއަސާސީގެ 71 ވަނަ މާއްދާއާ ޚިލާފުކަމެއް ކަމަށެވެ. އަދި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ބަހުސްތަކުގައިވެސް މަޖިލީހުން ކަމެއް ފާސްކުރުމުގެ ޢަދަދާއި މަޖިލީހުގެ ކޯރަމްއާ ބެހޭ ގޮތުން އެކި ފަހަރު މަތިން ބަހުސް ކުރެވިފައިވާއިރު، ޤާނޫނުއަސާސީގައި މަޖިލީހުން ކަންކަން ފާސްކުރުމުގެ ޢަދަދު ކަނޑައަޅާފައިވަނީ ޖުމުލަ މެންބަރުންގެ ޢަދަދުގެ މައްޗަށް ބިނާކޮށްކަމަށް ބަހުސްތަކުން އެނގެން އޮންނަކަމަށެވެ.

34. އަދި ރައްޔިތުންގެ މަޖިލީހުގެ ޢަދަދު ކަނޑައަޅާ އުސޫލު ބަޔާންކޮށްފައިވަނީ ޤާނޫނުއަސާސީގެ 71 ވަނަ މާއްދާގައި ކަމުގައިވާއިރު، އެ އުސޫލުގެ މައްޗަށް ބިނާވެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ކަމެއް ފާސްކުރެވޭނެ ވޯޓުގެ ޢަދަދު ޤާނޫނުއަސާސީގެ 3 ވަނަ މާއްދާ، 80 ވަނަ މާއްދާ، 85 ވަނަ މާއްދާގެ (ށ)، 86 ވަނަ މާއްދާ، 87 ވަނަ މާއްދާގެ (ހ) އަދި (ށ)، 88 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރާއި، 91 ވަނަ މާއްދާގެ (ށ)، 100 ވަނަ މާއްދާގެ (ށ)، 100 ވަނަ މާއްދާގެ (ބ)، 101 ވަނަ މާއްދާގެ (ނ)، 154 ވަނަ މާއްދާގެ (ށ)، 210 ވަނަ މާއްދާއާއި، 215 ވަނަ މާއްދާއާއި، 221 ވަނަ މާއްދާއާއި، 250 ވަނަ މާއްދާގެ (ށ)، 251 ވަނަ މާއްދާގެ (ނ)، 257 ވަނަ މާއްދާގެ (ށ) އަދި (ނ)، އަދި 261 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެނައި އިޞްލާޙުގެ ނަތީޖާއަކީ، ހުސްވެފައިވާ ގޮނޑިތަކަށް ނިސްބަތްވާ ރައްޔިތުންގެ ޢަދަދުގެ ނިސްބަތުން އެ ނިންމުންތަކުގައި ރައްޔިތުންގެ ފުރިހަމަ ބައިވެރިވުން ނުވަތަ ތަމްސީލުވުން ނެތިގެން ދިއުންކަމަށެވެ. އަދި މިއީ ޤާނޫނުއަސާސީގެ 4 ވަނަ މާއްދާގައި ބުނާ މަފްހޫމްއާއި 26 ވަނަ މާއްދާގެ (ނ) އާ ޚިލާފުކަމެއްކަމަށެވެ.

35. ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ގަވާއިދު ހެދުމުގެ ބާރު ލިބިދީފައިވީ ނަމަވެސް، މިއީ މުތުލަޤު ބާރެއް ނޫންކަމަށާއި، ރައްޔިތުންގެ މަޖިލީހަށްވެސް ޤާނޫނުއަސާސީއާ ޚިލާފަށް ގަވާއިދު ހެދުމުގެ ބާރު ލިބިދެވިފައިނުވާކަމަށް ބަންޑާރަނައިބު އިތުރަށް ފާހަގަކޮށްފައިވެއެވެ. އަދި މަޖިލީހުން ގެނެސްފައިވާ މި އިސްލާޙަކީ ޤާނޫނުއަސާސީގެ އަސާސީ ހަމަތަކާ ޚިލާފު އިސްލާޙެއް ކަމަށާއި، މިކަމުގެ ސަބަބުން ދެކޮޅު ނުޖެހޭ ގިނަ ހާލަތްތަކެއް އުފަންވުމުގެ އަދި ގަސްދުގައި އެފަދަ ހާލަތްތަކެއް އުފަންކުރުވުމުގެ ފުރުޞަތު އޮންނާނެކަމަށް ބަންޑާރަނައިބު އިތުރަށް ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ފާހަގަކޮށްފައިވެއެވެ.

36. އެހެންކަމުން، މި މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ ސުވާލަކީ، މެންބަރަކު ނެތް ދާއިރާތައް ނުހިމަނައި ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުންގެ ޢަދަދު އެ މަޖިލީހުން ކަނޑައެޅުމަކީ ޤާނޫނުއަސާސީއާ ޚިލާފުކަމެއްތޯ ނުވަތަ ނޫންތޯއެވެ.

ރައްޔިތުންގެ ބާރު

37. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 4 ވަނަ މާއްދާގައި ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އަދި މި ބާރުތައް ދެމި އޮންނާނީ ރައްޔިތުންގެ ކިބައިގައެވެ. ރައްޔިތުންގެ މަޖިލީހުގެ އަސާސަކީ ރައްޔިތުންގެ ބާރެވެ. ރައްޔިތުންގެ ބަހެވެ.

38. ޤާނޫނުއަސާސީގެ 5 ވަނަ މާއްދާގައި ދިވެހިރާއްޖޭގެ ޤާނޫނު ހެދުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށްކަމަށް ބަޔާންކޮށްފައިވާއިރު، މި ބާރުގެ ތެރޭގައި ހިމެނޭ ކަންކަން ޤާނޫނުއަސާސީގެ 70 ވަނަ މާއްދާގައި ތަފްސީލުކުރެވިފައިވެއެވެ. ދިވެހިރާއްޖޭގައި އެންމެހައި ޤާނޫނުތަކެއް ހެދުމުގެ އިތުރުން އަނެއް ދެ ބާރަށް ފާރަވެރިވުމާއި މުޅި ޤައުމުގެ އެންމެހައި ކަންކަން ހިނގާ ނުހިނގާ ގޮތް ބަލައި ފިޔަވަޅު އެޅުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބިގެންވެއެވެ.

39. ޤާނޫނުއަސާސީގައި ވެރިކަން ހިންގުމުގެ ބާރާއި ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރަށް ލިބިދެވިފައިވާ ބާރުތަކާއި ރައްޔިތުންގެ މަޖިލީހަށް ލިބިދެވިފައިވާ ބާރުތައް އަޅާކިޔާނަމަ، ރައްޔިތުންގެ މަޖިލީހަށް ފިޔަވަޅު ނޭޅޭ ނުވަތަ އެ މަޖިލީހުގެ ބާރު ނުހިނގާ ދާއިރާތައް ނިސްބަތުން މަދުވާނެއެވެ. މިއީ ސަބަބެއް ނެތިއެއް ނޫނެވެ. އެހެނީ، ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ، އަދި ދެމި އޮންނާނީ ރައްޔިތުންގެ ކިބައިގައި ކަމުގައިވާތީއެވެ.

40. ރައްޔިތުންގެ މަޖިލިސް ތަމްސީލުކުރާ ރައްޔިތުންގެ މަންދޫބުންގެ ޢަދަދު ކަނޑައެޅުމުގެ އުސޫލު ބަޔާންކޮށްފައިވަނީ ޤާނޫނުއަސާސީގެ 71 ވަނަ މާއްދާގައެވެ. އެ މާއްދާގެ (ހ) ގައި ވަނީ އަންނަނިވި ފަދައިންނެވެ.

(ހ) ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު ކަނޑައަޅާނީ އަންނަނިވި އުޞޫލުންނެވެ.

(1) ދިވެހިރާއްޖޭގެ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ އާބާދީގެ ފުރަތަމަ ފަސްހާސް މީހަކަށް ނުވަތަ ފަސްހާސް މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެންބަރުން.

(2) ދިވެހިރާއްޖޭގެ އިދާރީ ދާއިރާއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ އާބާދީ ފަސްހާހަށްވުރެ އިތުރުވާނަމަ، އާބާދީގެ ފުރަތަމަ ފަސްހާސް މީހުންނަށްވުރެ އިތުރުވާ ކޮންމެ ފަސްހާސް މީހަކަށް މެންބަރެއް

41. ބުނެވިދިޔަ އުސޫލުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު ބިނާވަނީ ދިވެހިރާއްޖޭގެ އާބާދީގެ މައްޗަށެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ ޢުމުރު ހަމަވުމުގެ ކުރިން އާބާދީއަށް ބަދަލެއް އައިނަމަވެސް، އެ މަޖިލީހުގެ ޢުމުރު ފުރިހަމަވާންދެން އިދާރީ ދާއިރާތަކަށް ކަނޑައަޅާފައިވާ މަޖިލިސް މެންބަރުންގެ ޢަދަދަށް ބަދަލެއް ނާންނާނެކަމަށް ބަޔާންކޮށްފައިވެއެވެ.

42. ރައްޔިތުންގެ މަޖިލީހުގެ "ގޮނޑީގެ ޢަދަދު" މި ލަފުޒު ބޭނުންކުރުމުން އަޑުއަހާ މީހަކަށް ތަންކޮޅެއް ލުއި އަދި ތިލަ މާނައެއް ދޭހަވެދާނެއެވެ. އެހެނީ ގޮނޑިއެއް ވާނީ މުދަލަކަށެވެ.

43. ނަމަވެސް ރައްޔިތުންގެ މަޖިލީހުގައި ކޮންމެ "ގޮނޑިއެއް" އެއީ އިންތިޚާބީ ދާއިރާ ތަމްސީލުކުރާ އެއްޗެކެވެ. އެންމެ ގޮނޑިއެއްގެ ފަހަތުގައި އެތައް ހާސް ރައްޔިތުންނެއް ތިބެއެވެ. އެންމެ ގޮނޑިއެއް ތަމްސީލުކުރާ މެންބަރަކީ އެތައް ހާސް ރައްޔިތުންނެއްގެ މަސްލަހަތު ތަމްސީލުކުރާ މަންދޫބެވެ. މިއީ އެ މެންބަރަކު ޖަލްސާއަކަށް ހާޒިރުވިޔަސް ނުވަތަ ނުވިޔަސް ނުވަތަ ހާޒިރުވެ ނިންމުމެއްގައި ބައިވެރިވިޔަސް ނުވަތަ ނުވިޔަސްވެސްމެއެވެ. ކޮންމެ މެންބަރަކަށް އެ އިންތިޚާބީ ދާއިރާއެއްގެ ރައްޔިތުން ހަވާލުކުރަނީ މަތިވެރި ވާޖިބެކެވެ. ބޮޑު މަސްއޫލިއްޔަތެކެވެ.

44. ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ނ) ގައި ޢުމުރުން 18 އަހަރުންމަތީގެ ކޮންމެ ރައްޔިތަކަށް ލިބިދެވޭ ޙައްޤުތަކުގެ ތެރެއިން އެ މީހަކު އަމިއްލައަށް، ނުވަތަ އެމީހަކު މިނިވަންކަމާއެކު އިޚްތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ޙައްޤު ބަޔާންކޮށްފައިވެއެވެ. މިއީ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އަސާސީ ޙައްޤެކެވެ. މި ޙައްޤަކީ ޢާންމު މަސްލަހަތަށްޓަކައި ކަމުގައި ވިޔަސް ނުވަތަ މެޖޯރިޓީ ރޫލްގެ ދަށުން ކަމުގައިވިޔަސް، އުނި އިތުރު ގެނެވިދާނެ ޙައްޤެއް ނޫނެވެ.

45. ރައްޔިތުންގެ މަޖިލީހުގެ ދާއިރާއަކަށް މެންބަރަކު އިންތިޚާބުވާ ހިސާބުން، އެ މެންބަރު ތަމްސީލުކުރާނީ ހަމައެކަނި އެ މެންބަރަށް ވޯޓު ދިން އެ ދާއިރާގެ ރައްޔިތުންނެއް ނޫނެވެ. ނުވަތަ ހަމައެކަނި އެ ދާއިރާގައި 18 އަހަރު ފުރި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ ރައްޔިތުންނެއްވެސް ނޫނެވެ. ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވާ މެންބަރަކު ތަމްސީލު ކުރާނީ އެއްވެސް އިސްތިސްނާއެއް ނެތި، އެ ދާއިރާއެއްގެ ކުޑަ ބޮޑު އެންމެހައި ރައްޔިތުންނެވެ.

ހުސްވާ ގޮނޑިއަކަށް މެންބަރަކު އިންތިޚާބު ނުކުރުމަކީ ރައްޔިތުން ތަމްސީލުވުން އިސްތިސްނާވާ ހާލަތެއްތޯ

46. ޤާނޫނުއަސާސީގެ 78 ވަނަ މާއްދާގައިވަނީ އަންނަނިވި ފަދައިންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މެންބަރުކަމުން ވަކިވުމުގެ ސަބަބުން ހުސްވާ ގޮނޑިއަށް އެ ގޮނޑި ހުސްވި ތާރީޚުން ފެށިގެން ފަސްދޮޅަސް ދުވަހުގެ ތެރޭގައި މެންބަރަކު އިންތިޚާބު ކުރާންވާނެއެވެ. ނަމަވެސް މެންބަރުކަމުގެ ގޮނޑި ހުސްވި ތާރީޚުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް ޢާންމު އިންތިޚާބާ ދެމެދު އޮތީ ހަމަސްދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްކަމުގައި ވާނަމަ އެ ހުސްވި ގޮނޑިއަކަށް މެންބަރަކު އިންތިޚާބު ކޮށްގެނެއް ނުވާނެއެވެ.

47. މި މާއްދާގެ ސަރީޙަ އިބާރާތުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް 6 މަސް ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތަކަށް ވެފައިވަނިކޮށް، ހުސްވާ ގޮނޑިއަކަށް މެންބަރަކު އިންތިޚާބުކުރުން މަނާކުރެއެވެ. މި މަނާކޮށްފައި އޮންނަ އޮތުމަކީ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ނ) ގެ ދަށުން އެ މީހަކު އަމިއްލައަށް ނުވަތަ އެ މީހަކު މިނިވަންކަމާއެކު އިޚްތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ޙައްޤު ހަނިކުރާ މާއްދާއެއް ކަމުގައި ބެލެވިދާނެ ހެއްޔެވެ؟

48. ހަމަ އެފަދައިން، ޤާނޫނުއަސާސީގެ 71 ވަނަ މާއްދާގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު ކަނޑައަޅާނެ ގޮތުގެ އުޞޫލު ބަޔާންކޮށްފައިވެއެވެ.8 ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު ބިނާވަނީ ދިވެހިރާއްޖޭގެ ކޮންމެ އިދާރީ ދާއިރާއެއްގެ އާބާދީއަށް ކަމުގައިވާއިރު، އާބާދީގެ ކުޑަބޮޑު މިނަށް ބަލައި، މިއީ އަބަދު އެއްގޮތަކަށް އޮންނާނެ ޢަދަދެއް ނޫންކަން އެނގެއެވެ. އަދި ޤާނޫނުއަސާސީގެ 72 ވަނަ މާއްދާގެ ދަށުން ކޮންމެ އިދާރީ ދާއިރާއަކުން ވަކި އިންތިޚާބީ ދާއިރާތަކެއް ކަނޑައަޅަން ޖެހޭނެކަމަށް ބަޔާންކޮށްފައިވާއިރު، މިއިން ކޮންމެ އިންތިޚާބީ ދާއިރާއަކުން އިންތިޚާބުވާނީ އެ ދާއިރާގެ ރައްޔިތުންގެ ސިއްރު ވޯޓަކުން އެންމެ މެންބަރެކެވެ.

49. ނަމަވެސް ޤާނޫނުއަސާސީގެ 78 ވަނަ މާއްދާއަކީ ޤާނޫނުއަސާސީގެ 71 ވަނަ މާއްދާގެ ދަށުން ކަނޑައަޅާ މެންބަރުންގެ ޢަދަދު ގުނާގޮތާއި އަދި 72 ވަނަ މާއްދާގެ ދަށުން ކޮންމެ މެންބަރަކު އެ ދާއިރާއެއް ތަމްސީލުކުރާ ގޮތާ އިސްތިސްނާ ޙާލަތެއް ކަމުގައި ބެލެވިދާނެ ހެއްޔެވެ؟

50. ޤާނޫނުއަސާސީގެ މާއްދާއެއް ދެނިގަތުމަށްޓަކައި އެންމެ ފުރަތަމަ ރުޖޫއަވާންޖެހޭނީ އެ މާއްދާގައިވާ އިބާރާތަށްކަމަށާއި އަދި އެ އިބާރާތެއް އެއްގޮތަށްވުރެ ގިނަ ގޮތްގޮތަށް މާނަކުރެވޭނަމަ، ނުވަތަ އެ އިބާރާތެއްގައި ބުނާ އެއްޗެއް އޮޅުން އަރާނަމަ އެ މާއްދާއެއްގެ ނުވަތަ އެ އިބާރާތެއްގެ މާނަ ދެނިގަންނަން އެންމެ ރަނގަޅު މަގަކީ ޤާނޫނުއަސާސީ ލިޔުނު ފަރާތްތަކުގެ މަޤުސަދަށް ރުޖޫޢަވުންކަމުގައި މުޙައްމަދު ޙަލީމް އަދި އިތުރު ފަރާތެއް ވ. ޔައުގޫބު ޢަބްދުﷲ ގަޒިއްޔާގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވެއެވެ.9 އަދި ޤާނޫނުއަސާސީ މާނަކުރުމުގައި ޤާނޫނުއަސާސީގެ ސިޔާދަތު ދަމަހައްޓައި، ޤާނޫނުއަސާސީގެ މައިގަނޑު އެއް ސިފަކަމުގައިވާ ވެރިކަމުގެ ބާރުތައް ވަކިވެފައި އޮންނަ އޮތުން ދެމެހެއްޓުމަށާއި، ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ރައްޔިތުންގެ އަސާސީ ޙައްޤުތަކާއި މިނިވަންކަން ހިމާޔަތްކުރުމަށް ފަނޑިޔާރުން އިސްކަންދޭންވާނެ ކަމަށް ބުނެވުނު ގަޒިއްޔާގައި އިތުރަށް ފާހަގަކޮށްފައިވެއެވެ. އަދި ޤާނޫނުއަސާސީ އެކުލަވާލުމުގެ މަޤުސަދަކީ ރައްޔިތުންގެ ސިޔާސީ އަދި އިޖުތިމާއީ ކަންކަން އިންތިޒާމުކޮށް ވަކި ގޮތަކަށް ދައުލަތް ހިންގުން ތަރުތީބުކުރުން ކަމުގައި ވާތީވެ، ޤާނޫނުއަސާސީގެ މާއްދާތައް މާނަ ކުރަންވާނީ ވަކި މާއްދާއަކަށް އެކަނި ބެލުމުގެ ބަދަލުގައި ޤާނޫނުއަސާސީގެ މާއްދާތަކަކީ ގުޅިލާމެހިފައިވާ އެކަތިގަނޑެއް ކަމުގައި ބަލައިގެން، ޤާނޫނުއަސާސީގެ އޮނިގަނޑު ރޫޅިގެން ނުދާނޭ ގޮތަކަށް ކަމަށް ބަޔާންކޮށްފައިވެއެވެ.

51. ޤާނޫނުއަސާސީގެ 78 ވަނަ މާއްދާގެ އިބާރާތަށް ބަލާއިރު، ހުސްވާ ގޮނޑިއަކަށް އެ ގޮނޑި ހުސްވާ ތާރީޚުން ފެށިގެން 60 ދުވަހުގެ ތެރޭގައި މެންބަރަކު އިންތިޚާބު ކުރުމަކީ އެ މާއްދާގައި ބަޔާންކުރެވިފައިވާ ޢާންމު އުޞޫލެވެ. އެ އުޞޫލަށް އިސްތިސްނާއެއް އަންނަނީ މަޖިލީހުގެ ގޮނޑިއެއް ހުސްވަނީ މަޖިލީހުގެ ޢާންމު އިންތިޚާބު ބޭއްވުމަށް 6 މަސް ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއް އޮތްނަމައެވެ.

52. ޤާނޫނުއަސާސީގެ 71 ވަނަ މާއްދާއާއި 72 ވަނަ މާއްދާއާއި 26 ވަނަ މާއްދާގެ (ނ) ދައުރުވަނީ ރައްޔިތުން ތަމްސީލުކުރުމުގެ ޙައްޤު ވަށައިގެން ކަމުގައިވާއިރު، އަދި މިކަމަށް އިތުރަށް ބާރު ލިއްބައިދެނީ ޤާނޫނުއަސާސީގެ 4 ވަނަ މާއްދާއިން ކަމުގައިވާއިރު، ޤާނޫނުއަސާސީގެ 78 ވަނަ މާއްދާގައި ހުސްވާ ގޮނޑިތައް ތަމްސީލުކުރާނެ މަންދޫބުން އިންތިޚާބުކުރުން މަނާ ކުރަންޖެހުނު މަޤުސަދަށް ރިޢާޔަތްކުރަން ޖެހެއެވެ.

53. ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ޑްރާފްޓިންގ ކޮމިޓީގެ 132 ވަނަ ބައްދަލުވުމުގެ ޔައުމިއްޔާއަށް ބެލިއިރު، ޤާނޫނުއަސާސީގެ 78 ވަނަ މާއްދާގެ އެންމެ ފުރަތަމަ ދެލިކޮޕީގައި އޮތީ ގޮނޑި ހުސްވާ ތާރީޚާއި މަޖިލީހުގެ ކުރިއަށް އޮތް ޢާންމު އިންތިޚާބު ބޭއްވުމަށް އޮތް ތާރީޚާ ދެމެދު 12 މަސް ދުވަހުގެ މުއްދަތެއްގެ ތެރޭގައި އެ ހުސްވި ގޮނޑިއަށް މެންބަރަކު އިންތިޚާބު ނުކުރުމެވެ. ރައްޔިތުންގެ މަޖިލީހުގެ އުމުރެއްގެ 5 އަހަރު ދުވަހުގެ ތެރޭގައި 1 އަހަރު ދުވަހުގެ މުއްދަތަކަށް ގޮނޑި ހުސްވާ ދާއިރާއެއް ތަމްސީލުނުވެ އޮތުންވީ ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެންބަރުންގެ ކަންބޮޑުވުމަކަށެވެ. މިގޮތަށް ގޮނޑި ހުސްވާ ދާއިރާއެއްގެ އިންތިޚާބު ބާއްވަން ނުޖެހޭ ކަމަށް ކަނޑައެޅި ސަބަބަކީ އެގޮތަށް ހޮވޭ މެންބަރަކު ކެމްޕޭންގައި ބޮޑު ޚަރަދެއް ކުރާއިރު، މަޤާމުގައި ދެމިހުރެވޭނީ ހަމައެކަނި ރައްޔިތުންގެ މަޖިލީހުގެ ޢާންމު އިންތިޚާބާ ހަމައަށް ކަމުގައިވާތީއެވެ.

54. ކުރިން އޮތް 12 މަސް ދުވަސް 6 މަސް ދުވަހުގެ މުއްދަތަކަށް ކުރު ކުރީ، ހުސްވި ގޮނޑިއަށް އިންތިޚާބު ބާއްވަން ގޮނޑި ހުސްވާ ތާރީޚުން ފެށިގެން 60 ދުވަސް ކަނޑައަޅާފައިވާއިރު، އެ މުއްދަތުގައި ކެމްޕޭންކޮށް ހޮވޭ މެންބަރަކަށްވެސް މަޖިލިސް މެންބަރުކަމުގައި ދެމިހުރެވޭނީ ހަމައެކަނި ރައްޔިތުންގެ މަޖިލީހުގެ ޢާންމު އިންތިޚާބުގެ ނިޔަލަށްކަމުގައިވާތީ އެވެ. އަދި ޢާންމު އިންތިޚާބުގައި އެ ދާއިރާއަށްވެސް އަލުން ކުރިމަތިލާންޖެހޭތީ، މެންބަރު ކުރާނެ ޚަރަދަށް ރިޢާޔަތްކޮށެވެ. އަދި މިއީ ދުނިޔޭގެ ބައެއް އެހެން ޤައުމުތަކުގައިވެސް އެކަން އޮންނަގޮތް ކަމުގައި ޚާއްސަ މަޖިލީހުގެ ބައެއް މެންބަރުން ފާހަގަކޮށްފައިވެއެވެ.

55. ޤާނޫނުއަސާސީގެ 78 ވަނަ މާއްދާއަކީ ރައްޔިތުންގެ މަޖިލީހުގެ ހުސްވާ ގޮނޑިތައް ނިސްބަތްވާ ދާއިރާތަކުގެ ރައްޔިތުންގެ ޙައްޤެއް ހަނިކުރުމަށްވުރެ، އެފަދަ ދާއިރާއަކަށް ކުރިމަތިލައިގެން ހޮވޭ މެންބަރެއް ކުރާނެ ޚަރަދާއި މަޤާމުގައި ހޭދަވާ ކުރު މުއްދަތަށް ބިނާކޮށް ފަރުމާ ކޮށްފައިވާ މާއްދާއެކެވެ. މަޖިލިސް ޢާންމު އިންތިޚާބެއްގެ ކުރިން ގިނަ ޢަދަދެއްގެ މެންބަރުން އިސްތިއުފާދީ، ގިނަ ޢަދަދެއްގެ ގޮނޑި ހުސްވުން އެއީ ޚާއްސަ މަޖިލީހުގެ ޤާނޫނުއަސާސީގެ 78 ވަނަ މާއްދާގެ ބަހުސްތައް ކުރިއަށް ދިޔައިރު، މެންބަރުން ތަސައްވުރުކޮށްފައި އޮތް ހާލަތެއް ނޫނެވެ. އަދި އެ މާއްދާއަކީ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ ޙައްޤު ހަނިކުރުމަށް އަދި ޤާނޫނުއަސާސީގެ 71 ވަނަ މާއްދާގެ ދަށުން ކަނޑައަޅާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު ކުޑަކުރުމަށް، އަދި 72 ވަނަ މާއްދާގެ ދަށުން ކޮންމެ އިންތިޚާބީ ދާއިރާއެއް ތަމްސީލުކުރާ ގޮތް ހަނިކުރުމަށް އޮތް މާއްދާއެއް ކަމުގައިވެސް އަހުރެން ނުދެކެމެވެ. ސަބަބަކީ 78 ވަނަ މާއްދާގައި އިންތިޚާބު ވަކި މުއްދަތެއްގެ ތެރޭގައި ނުބޭއްވުމަށް ނިންމާފައި އޮތް ނިންމުމަކީ އެ ދާއިރާތައް ތަމްސީލުކުރުން ހަނިކުރުމުގެ މަޤުސަދުގައި އެކުލަވާލި މާއްދާއަކަށް ނުވެފައި، ކޯރަމްގެ މައްސަލައަކީ އެއިރުވެސް ޚާއްސަ މަޖިލީހުން ފާހަގަކުރި ގޮންޖެހުމެއް ކަމުގައިވާއިރު، ޤާނޫނުއަސާސީގައި ރައްޔިތުންގެ މަޖިލީހުން އެކި ކަންކަން ނިންމުމަށް ބޭނުންވާ އަޣުލަބިއްޔަތުގައި ފަރަގުތަކެއް ގެނެވިފައިވަނީ ކަމުގެ ހައްސާސްކަމަށް ބަލައި، ޤައުމުގެ ބޮޑެތި ނިންމުންތައް އެއީ ވީހާވެސް ގިނަ ރައްޔިތުންގެ މަންދޫބުންގެ ބައިވެރިވުމާއެކު ނިންމާ ނިންމުންތަކެއް ކަމުގައި ހެދުމަށް ކަމުގައިވާތީއެވެ.

56. ހުށަހެޅިފައިމިވާ މައްސަލައިގައިވާ ހާލަތަށް ރިޢާޔަތްކުރާ ނަމަ، 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ތިބޭ 87 މެންބަރުންގެ ތެރެއިން 7 މެންބަރުން ނެތުމަކުން ޖަލްސާތަކުގެ ކޯރަމް ހަމަނުވެގެން އުޅޭ ހާލަތަކަށްނުދެއެވެ. މިއީ ގަވާއިދުން ޖަލްސާތަކަށް ދެންތިބި މެންބަރުން ހާޒިރުވާނަމައެވެ. ހަމަ އެފަދައިން، ޤާނޫނުއަސާސީއަށް އިސްލާޙެއް ގެނައުންފަދަ ހައްސާސް ކަމެއްގައި މަޖިލީހުގެ ޖުމުލަ މެންބަރުންނަކީ 87 ނަމަ، އެފަދަ އިސްލާޙެއް ފާސްކުރުމަށް ބޭނުންވާ ވޯޓުގެ ޢަދަދަކީ 66 އެވެ. މިވަގުތު ތިބި 80 މެންބަރުންގެ ތެރެއިން 66 މެންބަރުން ތާއީދުކުރާނަމަ އެފަދަ ބަދަލެއް ގެނެވިދާނެއެވެ.

57. މަޖިލީހުގެ ޢާންމު އިންތިޚާބު ބާއްވަން 6 މަސް ދުވަހަށްވުރެ ކުރު މުއްދަތަކަށްވެފައި ވަނިކޮށް އެ ދާއިރާތަކުގެ މެންބަރުން އިސްތިއުފާ ދިނުމަކީ އެ ދާއިރާތައް ރައްޔިތުންގެ މަޖިލީހުގައި ތަމްސީލުވުން އެއްކޮށް ހުއްޓުވޭނެ ސަބަބެއްނޫނެވެ. އެ ދާއިރާތަކުގެ ފަރާތުން މަންދޫބަކު މަޖިލީހަށް ހާޒިރުވެ ނެތުމުން އެ ދާއިރާތަކުގެ ފަރާތުން ވަކި ގޮތަކަށް ވޯޓު ނުދެވިދާނެއެވެ. އެހެންނަމަވެސް އެންމެ ހައްސާސީ ކަންކަމުގައި ގިނަ މެންބަރުންތަކެއް ނެތްނަމަ ކަމެއް ނިންމަން ބޭނުންވާ އަޣުލަބިއްޔަތު ހޯދަން އުނދަގޫވެދާނެއެވެ. ހުސްގޮނޑިއެއްގެ ފަރާތުން ވޯޓެއް ނުލިބުނު ނަމަވެސް ހުސްގޮނޑިއެއް ހުރިކަން އިހްސާސްކުރެވެއެވެ. އެ ގޮނޑީގެ ފަހަތުގައި އެތައް ހާސް ރައްޔިތުންނެއް ތިބިކަންވެސް ހަނދާންވެއެވެ.

58. އެހެންކަމުން، ޤާނޫނުއަސާސީގެ 71 ވަނަ މާއްދާގެ ދަށުން މަޖިލިސް މެންބަރުންގެ ޢަދަދު ކަނޑައަޅާ އުސޫލަށާއި، 72 ވަނަ މާއްދާގެ ދަށުން އިންތިޚާބީ ދާއިރާތައް ތަމްސީލުކުރެވޭ ގޮތަށާއި، 26 ވަނަ މާއްދާގެ (ނ) ގެ ދަށުން މަންދޫބަކު މެދުވެރިކޮށް ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ޙައްޤަށާއި، އަދި 4 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ ބާރަށް ރިޢާޔަތް ކުރާއިރު، މަންދޫބަކު ނެތުމުގެ ސަބަބުން ރައްޔިތުންގެ ވަކި ދާއިރާތަކެއް އެއީ މަޖިލީހުގައި ނެތް ދާއިރާތަކެއް ކަމަށް ކަނޑަނޭޅޭނެއެވެ. ޤާނޫނުއަސާސީގެ 78 ވަނަ މާއްދާއަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޖުމުލަ ޢަދަދުން ހުސްވާ ގޮނޑިތައް އެއްކޮށް އުނިކޮށްލުމަށް ބޭނުންކުރެވިދާނެ މާއްދާއެއް ނޫނެވެ.

ޤާނޫނުއަސާސީއިން ހިމާޔަތް ކުރެވޭ ބައެއް ކަންކަން

59. ސިޔާސީ މައިދާނުގައި މެޖޯރިޓީ އަދި މައިނޯރިޓީގެ ވާދަވެރިކަމާއެކު ދެފަރާތުގެ ބަހަށްވެސް ބުރަދަންދެވި، އެއް މަންޒިލަކަށް، އެއީ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކަށް، ވާސިލުވުމަށްޓަކައި ގޮންޖެހުންތަކާ ކުރިމަތިލާންޖެހެއެވެ. ރައްޔިތުންގެ ބާރު، ރައްޔިތުންގެ މަޖިލީހުގައި ބޮޑެތި ނިންމުންތައް ނިންމާއިރު، ބޮޑު އަޣުލަބިއްޔަތަކުން ކަންކަން ނިންމުމާއި، މަދު ބަޔަކު ތިބެގެން ބޮޑެތި ނިންމުންތައް ނިންމުމުގެ ބިރު ތިލަފަތުގައި އެއްހަމަ ކުރާނެ ގޮތުގެ ކަންބޮޑުވުމަކީ ޤާނޫނުއަސާސީ އެކުލަވާލި ރައްޔިތުންގެ ޚާއްސަ މަޖިލީހުންވެސް ތަސައްވުރުކުރި ކަމެކެވެ.

60. އެއްކޮޅުން ރައްޔިތުންގެ މަޖިލީހުގައި ކަންކަން ނިންމުމަށް ބޭނުންވާ އަޣުލަބިއްޔަތު ބޮޑުކުރުމުން، އެއްވެސް ކަމެއް ނުނިމި، މަޖިލީހުގެ މަސައްކަތްތައް ބޭކާރު ގޮތުގައި ދިގުލައިގެން ދިޔުމުގެ ބިރު އޮތްއިރު، އަނެއް ކޮޅުން ކަންކަން ފާސްކުރުމަށް ބޭނުންވާ އަޣުލަބިއްޔަތު މާ ކުޑަކޮށްފިނަމަ، މަދު މެންބަރުން ކޮޅަކަށް ޤައުމުގެ ބޮޑެތި ކަންކަން އަމިއްލައަށް ނިންމާލުމުގެ ބާރު އޮތުމުގެ ކަންބޮޑުވުން އޮތެވެ.

61. މިހާރު ޢަމަލުކުރަމުންދާ ޤާނޫނުއަސާސީ އެކުލަވާލިއިރުވެސް ރައްޔިތުންގެ މަޖިލީހުގައި ކޯރަމް ހަމަނުވުމަކީ ބޮޑު މައްސަލައެކެވެ. ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ އެކި ޖަލްސާތަކުގެ ޔައުމިއްޔާއަށް ބަލައިފިނަމަ ކޯރަމް ހަމަވުމާއެކު ވީހާވެސް ގިނަ ރައްޔިތުންގެ މަންދޫބުން ޤައުމުގެ ބޮޑެތި ހައްސާސީ ކަންކަން ނިންމުމުގައި ބައިވެރިވުމަށް މެންބަރުން ގޮވާލާފައިވެއެވެ. ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ 200 ވަނަ ޖަލްސާ، 205 ވަނަ ޖަލްސާ، 206 ވަނަ ޖަލްސާ، 207 ވަނަ ޖަލްސާ، އަދި 246 ވަނަ ޖަލްސާގައާއި 01 ޑިސެންބަރު 2007 ގެ ޑްރާފްޓިންގ ކޮމިޓީ 186 ވަނަ ބައްދަލުވުމުގައި ތަފުސީލީ ގޮތެއްގައި އެކި ކަންކަން ފާސްކުރުމަށް ބޭނުންވާ އަޣުލަބިއްޔަތާ މެދު މެންބަރުން މަޝްވަރާކުރިކަން ޚާއްސަ މަޖިލީހުގެ ޔައުމިއްޔާތަކުން އެނގެން އެބަހުއްޓެވެ. މަޖިލީހުގެ ޖަލްސާއެއްގެ ޤާނޫނީ ޢަދަދު ނުވަތަ ކޯރަމް މަތިކޮށްފިނަމަ މަޖިލީހުގެ މަސައްކަތަށް ހުއްޓުން އަރާނެކަން ފާހަގަކޮށްފައިވެއެވެ.10 ހަމަ އެފަދައިން، ކޯރަމް ކުޑަކޮށްފިނަމަ ރައްޔިތުން އެ މައްޗަށް ޢަމަލުކުރުން ލާޒިމު ޤާނޫނުތައް މަދު މެންބަރުންކޮޅަކަށް ފާސްކުރުމުގެ ފުރުސަތު ދިނުމުގެ ކަންބޮޑުވުންވެސް ފާހަގަކޮށްފައިވެއެވެ.11 އަޣުލަބިއްޔަތުގެ މިންވަރު ކަނޑައެޅުމުގައި މަޖިލީހުގައި އެންމެ ސިޔާސީ ޕާޓީއެއް ޝާމިލުވާނެވަރަށް ވިސްނައި، އެންމެ ފަރާތަކަށް ކަންކަން ނިންމުމުގެ ބޮޑުތި ބާރުތައް ދޫނުކުރުމަށް ވަކާލާތުކޮށްފައިވެއެވެ. މިސާލަކަށް، ޤާނޫނުއަސާސީގެ 154 ވަނަ މާއްދާގެ (ށ) ގައި ފަނޑިޔާރަކު މަޤާމުން ވަކިކުރެވޭނީ ފަނޑިޔާރުކަމުގެ މަޤާމަށް އެ މީހަކު ޤާބިލުނޫންކަމަށް، ނުވަތަ އެ މަޤާމާ އެކަށީގެންނުވާ ފަދަ ޢަމަލެއް އެ ފަނޑިޔާރަކު ކޮށްފައިވާކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤަބޫލުކުރެވިގެން އެ ފަނޑިޔާރަކު މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތިންބައި ކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްވުމުންނެވެ. މި މާއްދާއާ ގުޅޭ ގޮތުން ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ 200 ވަނަ ޖަލްސާގައި މާލޭ މެންބަރު އިބްރާހީމް އިސްމާޢީލްގެ ވާހަކައިގައި؛

ތިންބައިކުޅަ ދެބައި ޖެހީކީއްވެތޯ. ޢާންމު އުސޫލެއްގެ ގޮތުން ރައްޔިތުންގެ މަޖިލީހުގައި އެއް ޕާޓީއަކަށް، ސިޔާސީ އެއް ޕާޓީއަކަށް ތިންބައިކުޅަ ދެބައި ލިބިފައި އޮތުމަކީ ނާދިރުކަމެއްކަމަށް ކޮމިޓީއަށް ވިސްނުނީ. އެހެންވީމަ، ދެން ވާނެގޮތަކީ ފަނޑިޔާރަކު މަޤާމުން ވަކިކުރެވޭނީ ސިޔާސީ މައިދާނުގެ އެކި ސަފުތަކުގައި ތިބި މީހުންގެ ރުހުންވެސް ލިބިގެން އެއީ ޖުޑިޝަލް ސަރވިސަސް ކޮމިޝަނުގެ ނިންމުމަކީ ރަނގަޅު ނިންމުމެއްކަމަށް ސިޔާސީ މައިދާނުގެ ހުރިހާ ދިމާއަކުންވެސް ޤަބޫލުކުރެވިގެން ނޫނީ ފަނޑިޔާރަކު ވަކިނުކުރެވޭގޮތަށް. އެހެންވީމަ، މިހާރު ކަނޑައަޅުއްވާފައި އޮތްގޮތަށްވުރެ އަދި އިތުރަށް މުސްތަޤިއްލުކަން ވަރުގަދަ ކުރެވިގެން ދާނެކަމެއްކަމަށް ކޮމިޓީން ދެކެވަޑައިގަންނަވާ އެގޮތަށް އެކަން ހަމަޖައްސަވާފައި އެއޮތީ.12

މިގޮތަށް ބަޔާންކޮށްފައި އޮތުމުން، އެކި ކަންކަމަށް އެކި މިންވަރުގެ އަޣުލަބިއްޔަތު ކަނޑައަޅާފައިވަނީ ފަރުވާތެރިކަމާއި، ވިސްނުންތެރިކަމާއެކު ސަމާލުވެ ޤާނޫނުއަސާސީއިން ކަށަވަރުކޮށްދޭ ވަކި ކަންކަމަށް ފާރަވެރިވެ، ހިމާޔަތްކުރުމުގެ ނިޔަތުގައިކަން އެނގެއެވެ.

62. އެހެންކަމުން ރައްޔިތުންގެ މަޖިލީހުގައި ދުވަހުން ދުވަހަށް ހިންގާ ކަންކަން ހުއްޓުމަކަށް ނުގެނެސް، އެހެންނަމަވެސް ބޮޑެތި ހައްސާސީ ކަންކަމުގައި ގިނަ މެންބަރުން ބައިވެރިވުން ލާޒިމުކުރުމުގެ ހައްލަކަށްވީ ޤާނޫނުއަސާސީގައި ބަޔާންކުރާ އެކި ކަންކަމަށް އެކި މިންވަރުގެ އަޣުލަބިއްޔަތު ކަނޑައެޅުމެވެ. ތިރީގައިވާ ތާވަލުގައި އެކިކަންކަމަށް ރައްޔިތުންގެ މަޖިލީހުން ބޭނުންވާ އަޣުލަބިއްޔަތު ތަފްސީލުކުރެވިފައިވާނެއެވެ.

މާއްދާ މައުޟޫއު ފާސްކުރަން ބޭނުންވާ އަޣުލަބިއްޔަތު 3 ދިވެހިރާއްޖޭގެ ސަރަޙައްދަށް ބަދަލު ގެނައުން މަޖިލީހުގެ ޖުމުލަ މެންބަރުންގެ މަދުވެގެން ތިންބައި ކުޅަ ދެބައިގެ އަޣުލަބިއްޔަތު 80 ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފައިވާ ދަނޑިވަޅެއްގައި، ޢާންމު އިންތިޚާބެއް ބޭއްވުމަށް ދަތިވެއްޖެނަމަ، މަޖިލީހުގެ ޢުމުރު އެއް އަހަރަށްވުރެ ދިގުނޫން މުއްދަތަކަށް އިތުރުކުރުމުގެ ޤަރާރު މަޖިލީހުގެ ޖުމުލަ މެންބަރުންގެ މަދުވެގެން ތިންބައި ކުޅަ ދެބައިގެ އަޣުލަބިއްޔަތު 85 (ށ) މަޖިލީހުގެ ސިއްރު ޖަލްސާތައް ކަނޑައެޅުން މަޖިލީހުގެ ނުވަތަ އެ ކޮމެޓީގެ ޖަލްސާއަކަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތު 86 ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ޤާނޫނީ ޢަދަދު މަޖިލީހުގެ މެންބަރުންގެ ފަންސަވީސް އިން ސައްތަ 87 (ހ) ޤާނޫނުއަސާސީގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ ރައްޔިތުންގެ މަޖިލީހުން ނިންމާ ނިންމުންތައް މަޖިލީހުގެ ޖަލްސާއަކަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތު 87 (ށ) ޤާނޫނުއަސާސީގެ 86 ވަނަ މާއްދާ އެހެން އޮތްކަމުގައި ވިޔަސް ރައްޔިތުން އެމައްޗަށް ޢަމަލުކުރުން ލާޒިމްކުރާ އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުން މަޖިލީހުގެ ޖުމުލަ މެންބަރުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މެންބަރުން އެ ވޯޓެއް ނަގާ ޖަލްސާގައި ހާޒިރުވެ ތިބޭ ވަގުތެއްގައި 88 (ހ) (2) މެންބަރެއްގެ މުސާރައާއި އިނާޔަތްތައް ކެނޑޭނެ ގޮތްތައް މަޖިލީހުގެ ތިންބައިކުޅަދެބައިގެ އަޣުލަބިއްޔަތު 91 (ށ) ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އަނބުރާ ފޮނުވާ ބިލުތަކަށް އެއްވެސް ބަދަލެއް ނުގެނެސް އަލުން ފާސްކުރުން މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަޣުލަބިއްޔަތު 100 (ށ) ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަޤާމުން ވަކި ކުރުމުގެ ޤަރާރު ހުށަހެޅުން މަޖިލީހުގެ މަދުވެގެން ތިންބައިކުޅަ އެއްބައި 100 (ބ) ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަޤާމުން ވަކި ކުރުމުގެ ޤަރާރު މަޖިލީހުން ފާސްކުރުން މަޖިލީހުގެ ޖުމުލަ މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތު 101 (ނ) ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ އިތުބާރު ނެތްކަން ފާސްކުރުން މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަޣުލަބިއްޔަތު 154 (ށ) ފަނޑިޔާރުން މަޤާމުން ވަކިކުރުން މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތު 210 އޮޑިޓަރ ޖެނެރަލް އައްޔަންކުރުން މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަޣުލަބިއްޔަތު 215 އޮޑިޓަރ ޖެނެރަލްގެ މަޤާމުގެ މުއްދަތު އިތުރުކުރުން މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަޣުލަބިއްޔަތު 221 ޕްރިސިކިއުޓަރ ޖެނެރަލް އައްޔަންކުރުން މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަޣުލަބިއްޔަތު 225 ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމުގެ މުއްދަތު އިތުރުކުރުން މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަޣުލަބިއްޔަތު 250 (ށ) ދައުލަތުގެ މާލިއްޔާގައި ރިޒަރވްގެ ގޮތުގައި ބަހައްޓައިފައިވާ އެއްވެސް ފައިސާއެއް ނުވަތަ މުދަލެއް ނުވަތަ އެނޫންވެސް އެއްޗެއް ޚަރަދުކުރުން މަޖިލީހުގެ ޖުމުލަ މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތު 251 (ނ) ރާއްޖެއިން ބޭރުގެ ފަރާތަކަށް ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް ޢަސްކަރީ ބޭނުމަކަށް ދިނުން މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަޣުލަބިއްޔަތު 257 (ށ) ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނެރެފައިވާ ޤަރާރާމެދު ގޮތެއް ކަނޑައެޅުން މަޖިލީހުގެ ޖަލްސާއަކަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތު 257 (ނ) ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނެރެފައިވާ ޤަރާރުގެ މުއްދަތު އިތުރުކުރުން މަޖިލީހުގެ ޖަލްސާއަކަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތު 261 ޤާނޫނުއަސާސީއަށް އިސްލާޙު ގެނައުން މަޖިލީހުގެ ޖުމުލަ މެންބަރުންގެ ހަތަރުބައި ކުޅަ ތިންބައިގެ އަޣުލަބިއްޔަތު

63. މަޖިލީހުގެ ޖަލްސާއެއްގެ ޤާނޫނީ ޢަދަދަކީ މެންބަރުންގެ ފަންސަވީސް އިން ސައްތަ ކަމުގައި ކަނޑައެޅިގެން ދިޔައިރު، އަދި ޤާނޫނުއަސާސީގައި ބަޔާންކުރާ ކަންކަން ނޫން އެހެނިހެން ކަންކަން ނިންމުމަށް ބޭނުންވާ އަޣުލަބިއްޔަތަކީ ޖަލްސާއަށް ހާޒިރުވާ މެންބަރުންގެ އަޣުލަބިއްޔަތު ކަމަށް ކަނޑައެޅިގެން ދިޔައެވެ. މިއާ ޚިލާފަށް ރައްޔިތުން އެ މައްޗަށް ޢަމަލުކުރުން ލާޒިމުކުރާ ކަމެއްގައި މަޖިލީހުގެ ޖުމުލަ މެންބަރުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މެންބަރުން ތިބެގެން ނޫނީ ވޯޓަކަށް ނޭހެއެވެ. ހަމަ އެފަދައިން، ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަޤާމުން ވަކިކުރެވޭނީ މަޖިލީހުގެ ޖުމުލަ މެންބަރުންގެ ތިންބައި ކުޅަ ދެބައިގެ އަޣުލަބިއްޔަތުންނެވެ.

64. ރައްޔިތުންގެ މަޖިލީހުގައި އެންމެ ބޮޑު އަޣުލަބިއްޔަތެއް ބޭނުންވަނީ ޤާނޫނުއަސާސީއަށް އިސްލާޙު ގެނައުމަށެވެ. އެފަދަ އިސްލާޙެއް ގެނެވޭނީ މަޖިލީހުގެ ޖުމުލަ މެންބަރުންގެ ހަތަރުބައި ކުޅަ ތިންބައިގެ އަޣުލަބިއްޔަތުންނެވެ.

65. ތާވަލުގައި ބަޔާންކުރެވުނު ޤާނޫނުއަސާސީގެ މާއްދާތަކުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޖުމުލަ ޢަދަދު ގުނުމުގައި ހުސް ގޮނޑި ހިމެނޭނެތޯ ނުވަތަ ނޫންތޯ ބަޔާންކޮށްފައިނުވެއެވެ. ބުނެވުނު މާއްދާތަކުގެ އިބާރާތުން ޤާނޫނުއަސާސީގައި މަޖިލީހުން އެކި ކަންކަން ފާސްކުރުމަށް އެކި އުސޫލުތައް ގެންގުޅެން ޖެހުނު ސަބަބު ބަޔާންކޮށްފައިނުވެއެވެ.

66. ނަމަވެސް ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ޔައުމިއްޔާއަށް ބެލުމުން އެނގިގެންދަނީ އެކި ކަންކަން ފާސްކުރުމަށް އެކި އުސޫލު ބޭނުންކޮށްފައިވަނީ ގަސްތުގައި އެންމެ ހައްސާސް ކަންކަން ހިމާޔަތްކުރުމުގެ ނުވަތަ ފަސޭހައިން ވިޔަނުދިނުމުގެ ނިޔަތުގައިކަމެވެ. އަދި އެނޫން އެހެނިހެން ކަންކަމަކީ މަޖިލީހުގެ ޖުމުލަ މެންބަރުންގެ ފަންސަވީސް އިން ސައްތައިގެ ޢަދަދެއް ހާޒިރުވެ، އެއިގެން ދެބައިކުޅަ އެއްބައި ވޯޓު ދިނުމުން ފާސްވާނެ ކަންކަމެވެ.

67. ޤާނޫނުއަސާސީގައި ބަޔާންކުރާ ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުންގެ ޢަދަދު، ހުސް ގޮނޑިތައް ނުހިމެނޭގޮތަށް ރައްޔިތުންގެ މަޖިލީހުން މާނަކުރުމުގެ ނަތީޖާއަކީ ޤާނޫނުއަސާސީއިން އެކިކަންކަމަށް ކަށަވަރުކޮށްދީފައިވާ ހިމާޔަތުގެ ފަށަލަތައް ތުނިވެގެން ދިޔުމެވެ. ބާރުތައް ހިނގަންވާ ގޮތަށް ނުހިނގައި ޤާނޫނުއަސާސީގެ ތަސައްވުރު މާޔޫސްކޮށްލުމުގެ ދޮރު ހުޅުވިގެންދިޔުމެވެ. އެންމެ ލަފުޒެއް މާނަކުރެވޭގޮތުން މުޅި ޤާނޫނުއަސާސީގެ އޮނިގަނޑު ރޫޅިގެން ދިޔުމެވެ.

68. 7 އޮގަސްޓް 2008 ގައި ޢަމަލުކުރަންފެށި ޤާނޫނުއަސާސީގައި މިހައިތަނަށް ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ ޢަދަދު މާނަކުރަމުން އައީ ހުސްގޮނޑިތައް، ނުވަތަ ތަމްސީލުކުރާނެ މެންބަރުން ނެތް އިންތިޚާބީ ދާއިރާތައްވެސް ހިމެނޭގޮތަށް މަޖިލީހުގެ ޖުމުލަ ޢަދަދު ގުނަމުންނެވެ. ވުމާއެކު ޑިސެންބަރު 2023 ގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާޙެއްގައި މަޖިލިސް މެންބަރުންގެ ޖުމުލަ ޢަދަދު ގުނާގޮތް ބަދަލުކުރަން މެދުވެރިވުމަށް އެކަށީގެންވާ ސަބަބެއް އެބައޮތް ހެއްޔެވެ؟

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް އިސްލާޙު ގެންނަން މެދުވެރިވި ސަބަބު

69. ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ވ. ދައުލަތް (ރައްޔިތުންގެ މަޖިލީހުގެ އިދާރާ)13 ގަޒިއްޔާގައި ޤާނޫނުއަސާސީގައިވާ ވަކިކަމެއް އެމީހެއްގެ ނިސްބަތުގައި ހިންގަން މެދުވެރިވާ ދައުލަތުގެ ކޮންމެ އޮފިޝަލަކުމެ އެމީހެއްގެ މަސްއޫލިއްޔަތު އަދާކުރުމުގައި ހެޔޮ ނިޔަތުގައި ޤާނޫނުގެ ވެރިކަން ނެގެހެއްޓުން ޤާނޫނުއަސާސީ ލާޒިމުކުރާކަމަށް ފާހަގަކޮށްފައިވެއެވެ.14 އަދި ޤާނޫނުއަސާސީ ލިޔެވިފައިވަނީ ޤާނޫނުއަސާސީގެ ދަށުން ގޮތެއް ކަނޑައަޅަންޖެހޭ ކޮންމެ އޮފިޝަލަކު ޢަމަލުކުރާނީ ހެޔޮ ނިޔަތުގައިކަމަށް ބަލައިގެންކަމަށް އެ ގަޒިއްޔާގައި އިތުރަށް ފާހަގަކޮށްފައިވެއެވެ.

70. ޤާނޫނެއްގައިވާ ބާގަނޑުތައް ހޯދުމަކީ އެ ޤާނޫނުގެ ރޫޙާ އެއްގޮތަށް ޢަމަލުކުރުމަށްވުރެ ފަސޭހަ ކަމެކެވެ. ޤާނޫނެއްގައިވާ ބާގަނޑުތަކަށް އަހައްމިއްޔަތުކަންދީ، އެ ޤާނޫނުގެ ރޫޙާ އެއްގޮތަށް ޢަމަލުނުކުރުމަކީ އެ ޤާނޫނުގައިވާ އުނި ސިފައެއް ނޫނެވެ. ކޮންމެ ޤާނޫނެއް ކާމިޔާބުކަމާއެކު ނެގެހެއްޓޭނީ އެ ޤާނޫނާ އެއްގޮތްވާގޮތުގެ މަތިން ޢަމަލުކުރުމުގެ އިޚްލާސްތެރިކަން އޮތްނަމައެވެ. މި އުސޫލުން ޤާނޫނުއަސާސީ އިސްތިސްނާއެއް ނުވެއެވެ.

71. ހުށަހެޅިފައިމިވާ މައްސަލައިގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއް ނެތް ދާއިރާތައް ހިމެނުމެއްނެތި، މަޖިލިސް މެންބަރުންގެ ޖުމުލަ ޢަދަދު ގުނަން މަޖިލީހުން ނިންމި ސަބަބަކީ ޤާނޫނުއަސާސީގައި ކަނޑައަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ޤާނޫނީ ޢަދަދު ހަމަކުރުމަށް ދަތިވާތީކަމަށާއި، ޤާނޫނުއަސާސީގައި ބަޔާންކުރާ މުހިންމު ކަންކަން ފާސްކުރުމަށް ކޮންމެހެން ލާޒިމުކުރާ ޢަދަދު ހަމަކުރުމަށް ދަތިވާނެ ޙާލަތްތައް އައުން އެކަށީގެންވާތީކަމަށާއި، އަދި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ހުރަސް އެޅޭފަދަ ޙާލަތްތައް ކުރިމަތިވެދާނެކަމަށް ފެންނަކަމަށް ބުނެ މި ތިން ސަބަބު މަޖިލީހުގެ ޢާންމު ކޮމިޓީން ފާހަގަކުރުމުންނެވެ.15 ޢާންމު ކޮމިޓީގެ ޔައުމިއްޔާގައިވެސް އަދި ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައިވެސް ހުއްޓިގެން އުޅޭ މަސައްކަތުގެ އެއްވެސް ތަފްސީލީ ވާހަކައެއް ނުދައްކައެވެ.

72. ޢާންމު ކޮމިޓީ ރިޕޯޓުގައި ފުރަތަމަ ސަބަބެއްގެ ގޮތުގައި ޤާނޫނުއަސާސީގައި ކަނޑައަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ޤާނޫނީ ޢަދަދު ހަމަކުރުމަށް ދަތިވާކަމަށް ފާހަގަކޮށްފައިވެއެވެ. ޤާނޫނުއަސާސީގައި ބަޔާންކުރާ ކަންކަން ފިޔަވައި އެހެން ހުރިހާ ކަމެއްގައި މަޖިލިސް ޖަލްސާގެ ޤާނޫނީ ޢަދަދަކީ މެންބަރުންގެ ފަންސަވީސް އިންސައްތައެވެ. 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 87 މެންބަރުންގެ ފަންސަވީސް އިންސައްތައަކީ 22 މެންބަރުންނެވެ. އަދި 12 ވޯޓުން ކަންކަން ފާސްކުރެވިދާނެއެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 49 ވަނަ މާއްދާއަށް އިތުރުކުރި (ކ)، (އ) އަދި (ވ) ގެ ދަށުން މެންބަރުން ނެތް ދާއިރާތައް ނުހިމަނައި، ޖުމުލަ މެންބަރުންގެ އަދަދަކީ 80 ކަމަށް ބަލައިފިނަމަ، ޖަލްސާގެ ކޯރަމްއަކީ 20 މެންބަރުންނެވެ. އަދި ކަމެއް ފާސްކުރަން ބޭނުންވާނީ 12 ވޯޓުގެ ބަދަލުގައި 11 ވޯޓެވެ.

73. މިވަގުތު ރައްޔިތުންގެ މަޖިލީހުގައި 80 މެންބަރުން ތިބި އިރު އެތަނުން 22 މެންބަރުން ޖަލްސާއަކަށް ހާޒިރުނުވާނަމަ މެންބަރުންގެ ޤާނޫނީ ޢަދަދު މަދުކުރުމުގެ ބަދަލުގައި ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން މެންބަރުންގެ ސުލޫކީ މިންގަނޑުތަކާއި ހާޒިރީއާ ގުޅޭ އުޞޫލުތައް މަޖިލިސް ގަވާއިދުގައި ހިމެނުމުގެ ބާރު ސީދާ ޤާނޫނުއަސާސީއިން ރައްޔިތުންގެ މަޖިލިހަށް ލިބިދެއެވެ.

74. ރައްޔިތުންގެ މަޖިލީހުގެ ޢާންމު ކޮމިޓީއިން މަޖިލިސް ގަވާއިދުގެ 49 ވަނަ މާއްދާ އިސްލާޙުކުރަން ދީފައިވާ ދެވަނަ ސަބަބަކީ ޤާނޫނުއަސާސީގައި ބަޔާންކުރާ މުހިންމު ކަންކަން ފާސްކުރުމަށް ކޮންމެހެން ލާޒިމުކުރާ ޢަދަދު ހަމަކުރުމަށް ދަތިވާނެ ޙާލަތްތައް އައުން އެކަށީގެންވާތީކަމަށެވެ. މިއީ އައުން އެކަށީގެންވާ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައި އޮތުމުން، މިފަދަ ޙާލަތެއް އަދި މެދުވެރިވެފައިވާކަމަށް ނުބެލެވެއެވެ.

75. ރައްޔިތުންގެ މަޖިލީހުން އެންމެ ބޮޑު އަޣުލަބިއްޔަތެއް ބޭނުންވާނީ ޤާނޫނުއަސާސީއަށް އިސްލާޙެއް ގެނައުމަށެވެ. ޤާނޫނުއަސާސީގެ 261 ވަނަ މާއްދާގެ ދަށުން ޤާނޫނުއަސާސީއަށް އިސްލާޙެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުންގެ ހަތަރުބައިކުޅަ ތިންބައިގެ އަޣުލަބިއްޔަތުން ފާސްކުރާ ޤާނޫނަކުންނެވެ.

76. ހުސްގޮނޑިތައް ހިމެނޭގޮތަށް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ ޢަދަދަކީ 87 މެންބަރުން ކަމުގައިވާއިރު، ޤާނޫނުއަސާސީއަށް އިސްލާޙެއް ގެނައުމަށް ބޭނުންވާނީ މިވަގުތު މަޖިލީހުގައި ތިބި 80 މެންބަރުންގެ ތެރެއިން 66 މެންބަރުންގެ ވޯޓެވެ. ޤާނޫނުއަސާސީ އިސްލާޙުކުރުމަށް މަޖިލީހުގައި މިވަގުތު ތިބި 80 މެންބަރުންގެ ތެރެއިން 66 މެންބަރަކު ތާއީދުކުރާނަމަ އެކަން މިހާރުން މިހާރަށް ކުރުމުގެ އެއްވެސް ޤާނޫނީ ހުރަހެއް ނެތެވެ.

77. ރައްޔިތުންގެ މަޖިލީހުގެ ޢާންމު ކޮމިޓީއިން ހުސްގޮނޑިތައް ނުހިމަނައި މަޖިލީހުގެ ޖުމުލަ މެންބަރުންގެ ޢަދަދު ގުނުން ޒަރޫރަތްވާކަމަށް ބަޔާންކުރާ ތިންވަނަ ސަބަބަކީ، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ހުރަސް އެޅޭފަދަ ޙާލަތްތަކެއް ކުރިމަތިވެދާނެތީކަމަށް ކޮމިޓީ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. އަނެއްކާވެސް އެ ރިޕޯޓުގައި ފާހަގަކުރަނީ މިއީ ވެދާނެ ކަމެއްކަމަށެވެ. ނަމަވެސް ފެންނަން އޮތް ޙަޤީޤަތަކީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 87 މެންބަރުންގެ ތެރެއިން 7 މެންބަރަކު އިސްތިއުފާދިން ނަމަވެސް، މަޖިލީހުގައި ދުވަހުން ދުވަހަށް ކުރާ މަސައްކަތްތަކަށްވެސް އަދި ޤާނޫނުއަސާސީގައި ބަޔާންކުރާ ކަންކަމަށް ބޭނުންވާ އަޣުލަބިއްޔަތަށް ވުރެ ގިނަ ޢަދަދެއްގެ މެންބަރުން އަދިވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގައި ދެމިތިބިކަމެވެ.

78. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާއަށް ގެނައި އިސްލާޙުން ނިކުންނަ ނަތީޖާއަކީ، 7 މެންބަރަކު އިސްތިއުފާ ދިނުމުން، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި މިވަގުތު މެންބަރުންތައް ބެހިފައިވާ ސިޔާސީ ފިކުރަށް ބަލައިފިނަމަ، އެންމެ ގިނަ މެންބަރުން ތަމްސީލުކުރާ ސިޔާސީ ފިކުރުގެ ވޯޓުތައް ނިސްބަތުން ވަރުގަދަވެގެންދިޔުމެވެ.

79. ޤާނޫނުއަސާސީގެ 75 ވަނަ މާއްދާގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޢަމަލުކުރަންވާނީ، ޤައުމީ މަސްލަޙަތާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަންދީގެންކަމަށާއި، އެއްވެސް މެންބަރަކު އެމީހެއްގެ ނުވަތަ އެމީހަކާ ޚާއްސަ ގުޅުމެއް އޮތް އެހެން މީހެއްގެވެސް ޒާތީ މަޞްލަހަތެއް ކުރިއެރުވުމަށް މަޤާމުގެ ބޭނުންކޮށްގެން ނުވާނެކަމަށާއި، އަދި މެންބަރުން އެބައިމީހުން އިންތިޚާބުވީ ދާއިރާތައް ތަމްސީލުކުރުމުގައި، މުޅި ޤައުމާއި ހުރިހާ ރައްޔިތުންގެ ލާބަޔާއި މަންފާއަށް ރިޢާޔަތްކުރަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

80. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޖުމުލަ ޢަދަދު ރައްޔިތުންގެ މަންދޫބުންތައް ނެތް ދާއިރާތައް ނުހިމަނައި ގުނުމަށް އެ މަޖިލީހުން ގަވާއިދަށް އިސްލާޙު ގެނެސްފައިވަނީ، ޤާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން، ހެޔޮ ނިޔަތުގައިކަމަށް ޤަބޫލުކުރަން އަހުރެންނަށް ދައްޗެވެ.

ވާސިލުވެވޭ ނަތީޖާ

81. ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެ މަތިން ހުރުމުން އަހުރެންނަށް ވާސިލުވަނީ އަންނަނިވި ނަތީޖާތަކަށެވެ.

(ހ) 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އިސްތިއުފާދިން މެންބަރުންގެ ދާއިރާތައް ނުހިމަނައި، މަޖިލީހުގެ ޖުމުލަ ޢަދަދު ގުނުމަކީ ޤާނޫނުއަސާސީގެ 71 ވަނަ މާއްދާގެ ދަށުން މަޖިލިސް މެންބަރުންގެ ޢަދަދު ކަނޑައަޅާ އުސޫލަށާއި، 72 ވަނަ މާއްދާގެ ދަށުން އިންތިޚާބީ ދާއިރާތައް ތަމްސީލުކުރެވޭ ގޮތަށާއި، 26 ވަނަ މާއްދާގެ (ނ) ގެ ދަށުން މަންދޫބަކު މެދުވެރިކޮށް ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ޙައްޤަށާއި، އަދި 4 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ ބާރުވެރިކަމަށް އޮންނަ އޮތުމާ ޚިލާފު ކަމެއްކަން،

(ށ) ޤާނޫނުއަސާސީގެ 78 ވަނަ މާއްދާއަކީ ރައްޔިތުންގެ މަޖިލީހުގެ ޢުމުރު ހަމަވުމަށް 6 މަސް ދުވަސް ނުވަތަ އެއަށް ވުރެ ކުރު މުއްދަތެއްގައި ހުސްވާ ގޮނޑިތައް ނުހިމަނައި މަޖިލީހުގެ ޖުމުލަ ޢަދަދު ގުނުމަށް ފަހިކޮށްދޭ މާއްދާއެއް ނޫންކަން،

(ނ) ޤާނޫނުއަސާސީގައި ބަޔާންކުރާ ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުންގެ ޢަދަދު، ހުސް ގޮނޑިތައް ނުހިމެނޭގޮތަށް ރައްޔިތުންގެ މަޖިލީހުން މާނަކުރުމުގެ ނަތީޖާއަކީ، ޤާނޫނުއަސާސީގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރަންޖެހޭ ކަންކަން ބަޔާންކުރާ ޤާނޫނުއަސާސީގެ 3 ވަނަ މާއްދާ، 80 ވަނަ މާއްދާ، 85 ވަނަ މާއްދާގެ (ށ)، 86 ވަނަ މާއްދާ، 87 ވަނަ މާއްދާގެ (ހ) އަދި (ށ)، 88 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރާއި، 91 ވަނަ މާއްދާގެ (ށ)، 100 ވަނަ މާއްދާގެ (ށ)، 100 ވަނަ މާއްދާގެ (ބ)، 101 ވަނަ މާއްދާގެ (ނ)، 154 ވަނަ މާއްދާގެ (ށ)، 210 ވަނަ މާއްދާއާއި، 215 ވަނަ މާއްދާއާއި، 221 ވަނަ މާއްދާއާއި، 250 ވަނަ މާއްދާގެ (ށ)، 251 ވަނަ މާއްދާގެ (ނ)، 257 ވަނަ މާއްދާގެ (ށ) އަދި (ނ)، އަދި 261 ވަނަ މާއްދާގައި ޤާނޫނުއަސާސީއިން އެކިކަންކަމަށް ލިބިދީފައިވާ ހިމާޔަތް ބަލިކަށިވެ، ޤާނޫނުއަސާސީގެ އޮނިގަނޑު ވަކި ގޮތަކަށް އޮތް އޮތުން ނިއުޅުވިގެންދާކަން،

(ރ) ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ހ) އިން ރައްޔިތުންގެ މަޖިލީހަށް ގަވާއިދު ހެދުމަށް ބާރު ލިބިދެވެނީ ޤާނޫނުއަސާސީއާ ޚިލާފުނުވާ ގޮތެއްގެ މަތިންކަމުގައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުންގެ ޢަދަދު ގުނުމުގައި މެންބަރުން އިސްތިއުފާ ދީފައިވާ ދާއިރާތަކުގެ ގޮނޑިތައް ނުހިމަނައި ޢަދަދު ގުނުމަށް ނިންމާފައިވަނީ ޤާނޫނުއަސާސީއިން ރައްޔިތުންގެ މަޖިލީހަށް ގަވާއިދު ހެދުމަށް ލިބިދީފައި އޮތް ހުދޫދުގެ ބޭރުންކަން، އަދި

(ބ) ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް އިތުރުކޮށްފައިވާ 49 ވަނަ މާއްދާގެ (ކ)، (އ) އަދި (ވ) އަކީ ޤާނޫނުއަސާސީއާ ޚިލާފު އަކުރުތަކެއް ކަމުގައިވީނަމަވެސް މި އަކުރުތަކަކީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި މިހާރު ބާޠިލުކޮށްފައިވާ އަކުރުތަކެއް ކަމުން، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާގެ (ކ)، (އ) އަދި (ވ) އާ ގުޅިގެން މި ކޯޓުން އަޅައިދޭނެ އިތުރު ފިޔަވަޅެއް ނެތްކަމެވެ.

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު

82. މި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު

83. މި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު

84. މި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު

85. މި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމާއެކު،

(1) ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން އިސްތިއުފާދިން މެންބަރުންގެ ދާއިރާތައް ނުހިމަނައި، މަޖިލީހުގެ ޖުމުލަ ޢަދަދު ގުނުމަކީ ޤާނޫނުއަސާސީގެ 71 ވަނަ މާއްދާގެ ދަށުން މަޖިލިސް މެންބަރުންގެ ޢަދަދު ކަނޑައަޅާ އުސޫލަށާއި، 72 ވަނަ މާއްދާގެ ދަށުން އިންތިޚާބީ ދާއިރާތައް ތަމްސީލުކުރެވޭ ގޮތަށާއި، 26 ވަނަ މާއްދާގެ (ނ) ގެ ދަށުން މަންދޫބަކު މެދުވެރިކޮށް ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ޙައްޤަށާއި، އަދި 4 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ ބާރުވެރިކަމަށް އޮންނަ އޮތުމާ ޚިލާފު ކަމެއްކަމަށް ކަނޑައަޅައި،

(2) ޤާނޫނުއަސާސީގައި ބަޔާންކުރާ ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުންގެ ޢަދަދު، ހުސް ގޮނޑިތައް ނުހިމެނޭގޮތަށް ރައްޔިތުންގެ މަޖިލީހުން މާނަކޮށްފައިވަނީ ޤާނޫނުއަސާސީގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރަންޖެހޭ ކަންކަން ބަޔާންކުރާ ޤާނޫނުއަސާސީގެ 3 ވަނަ މާއްދާ، 80 ވަނަ މާއްދާ، 85 ވަނަ މާއްދާގެ (ށ)، 86 ވަނަ މާއްދާ، 87 ވަނަ މާއްދާގެ (ހ) އަދި (ށ)، 88 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރާއި، 91 ވަނަ މާއްދާގެ (ށ)، 100 ވަނަ މާއްދާގެ (ށ)، 100 ވަނަ މާއްދާގެ (ބ)، 101 ވަނަ މާއްދާގެ (ނ)، 154 ވަނަ މާއްދާގެ (ށ)، 210 ވަނަ މާއްދާއާއި، 215 ވަނަ މާއްދާއާއި، 221 ވަނަ މާއްދާއާއި، 250 ވަނަ މާއްދާގެ (ށ)، 251 ވަނަ މާއްދާގެ (ނ)، 257 ވަނަ މާއްދާގެ (ށ) އަދި (ނ)، އަދި 261 ވަނަ މާއްދާއާ ތައާރުޒުވާގޮތަށްކަމަށް ކަނޑައަޅައި،

(3) 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ 3 ވަނަ ދައުރުގެ 37 ވަނަ ޖަލްސާއިން ފާސްކޮށް، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް އިތުރުކޮށްފައިވާ 49 ވަނަ މާއްދާގެ (ކ)، (އ) އަދި (ވ) އަކީ ޤާނޫނުއަސާސީގެ 268 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ހ) އިން ގަވާއިދު ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ އިޚްތިޔާރުގެ ބޭރުން ނިންމާފައިވާ ނިންމުމެއް ކަމުގައިވީނަމަވެސް، އެ އަކުރު ތަކަކީ މިހާރު ރައްޔިތުންގެ މަޖިލީހުން ބާޠިލު ކޮށްފައިވާ އަކުރުތަކެއް ކަމުން، އެ އަކުރުތަކާ މެދު މި ކޯޓުން އަޅައިދެވޭނެ އިތުރު ފިޔަވަޅެއް ނެތްކަމަށް ކަނޑައަޅައި،

މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ: ޢާއިޝާ ޝުޖޫން މުޙައްމަދު އަޒްމިރާލްދާ ޒާހިރު މަޙާޒު ޢަލީ ޒާހިރު (ރިޔާސަތު)

ޙުސްނުއްސުޢޫދު މުޙައްމަދު އިބްރާހީމް

1 ރައްޔިތުންގެ މަޖިލިހުގެ އިދާރާގެ ނަންބަރު 57-D/32/2024/7 (12 ފެބްރުއަރީ 2024)

2 ރައްޔިތުންގެ މަޖިލީހުގެ ޔައުމިއްޔާ، 2023 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 37 ވަނަ ޖަލްސާ، 18 ޑިސެންބަރު 2023

3 ޤާނޫނު ނަންބަރު 2009/1

4 2016/SC-A/25 ގަޒިއްޔާ، ޕެރެގްރާފް 23

5 [2021] SC 72

6 [2023] SC 47

7 ޤާނޫނު ނަންބަރު 22/2010

8 ޕެރެގްރާފް 40 ގައި ތަފްސީލުކުރެވިފައި

9 2020/SC-C/78, 2020/SC-C/79 ޕެރެގްރާފް 56

10 ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ 206 ވަނަ ޖަލްސާގެ ޔައުމިއްޔާގެ 152 އިން 238 އަށް (މާލޭ މެންބަރު އިބްރާހީމް އިސްމާޢީލް ވާހަކަދެއްކުން)

11 ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ 205 ވަނަ ޖަލްސާގެ ޔައުމިއްޔާގެ 926 އިން 943 އަށް (އައްޑު އަތޮޅު މެންބަރު ޙުސްނުއްސުޢޫދު ވާހަކަދެއްކުން)

12 ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ 200 ވަނަ ޖަލްސާގެ ޔައުމިއްޔާގެ 1203 އިން 1213 އަށް (މާލޭ މެންބަރު އިބްރާހީމް އިސްމާޢީލް ވާހަކަދެއްކުން)

13 ފުޓް ނޯޓު 6

14 އބމ، ޕެރެގްރާފް 71

15 މި ގަޒިއްޔާގެ ޕެރެގްރާފް 5 ގައިވާ ރިޕޯޓު

2024/SC-C/01 [2024] SC 07

2019/SC-A/300 [2021] SC 778

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ