ޝަމީމާ މުޙައްމަދު އަދި އިތުރު 3 ފަރާތެއް ވ. މުޙައްމަދު ނަޢީމް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ޣައިރު ޙާޟިރުގައި ކުރި ޙުކުމްތައް ބާޠިލުކޮށް، އެކަށީގެންވާ ދިފާޢެއް އޮތުމުން މައްސަލަ ސިވިލް ކޯޓަށް ތަޙުވީލުކުރި ހައިކޯޓުގެ ނިންމުމާމެދު ހުށަހެޅި އިސްތިއުނާފީ ނުކުތާއަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގައި ބަޔާންކުރާ މިންވަރަށް ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރުމުގެ އޮޅިގަނޑު ގިރާކުރާ ނުކުތާއެއްތޯ.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިހައިކޯޓުގެ 2022/HC-A/180، 2022/HC-A/181 އަދި 2022/HC-A/182 ގެ ނިންމުން ޤާއިމް (ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް؛ ފަނޑިޔާރުންގެ އިއްތިފާޤުން)
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
ހައިކޯޓުގެ ޙުކުމްތަކާއި ނިންމުންތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވޭ ޙާލަތްތައް ބަޔާންވެފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގައެވެ؛ އެއީ ޙުކުމް ނުވަތަ ނިންމުން ބިނާކުރެވިފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް، ނުވަތަ ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއް ހުރުން، ނުވަތަ ޙުކުމަށް އަސަރުފޯރުވި އިޖުރާއަތަކީ އެ މާއްދާގައިވާ ބާވަތުގެ އައިބެއްގެ ސަބަބުން ބާޠިލު އިޖުރާއަތެއް ކަމުގައިވުމެވެ. (ޕެރ. 17)
ޣައިރު ޙާޟިރުގައި ކޮށްފައިވާ ޙުކުމެއް ބާޠިލުކޮށް ދަޢުވާގެ ޖަވާބު ހުށަހެޅުމަށް ފުރުޞަތު ދެވޭނީ، ޣައިރު ޙާޟިރުގައި ޙުކުމްކުރުމުގައި އިޖުރާއީ އުނިކަމެއް ނުވަތަ އައިބެއް އޮތް ޙާލަތުގައި، ނުވަތަ އެފަދަ އުނިކަމެއް ނެތް ނަމަވެސް ދަޢުވާ ލިބޭ ފަރާތަށް މައްސަލަ ކާމިޔާބުކުރުމުގެ އެކަށީގެންވާ ފުރުޞަތު އޮތް އަދި އެކަށީގެންވާ ދިފާޢެއް އޮތް މައްސަލައެއް ކަމަށް ފަނޑިޔާރަށް ފެންނަ ޙާލަތުގައެވެ. (ޕެރ. 18)
ފެކްޓްސް ކަށަވަރުކުރަންޖެހޭ ޙާލަތެއް މެދުވެރިވެފައި ނުވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ދެކޭނަމަ، އެކަން ބަޔާންކޮށްދެވިފައި އޮންނަން ޖެހޭނެއެވެ؛ ދަށު ކޯޓަށް މައްސަލަ ތަޙުވީލުކުރަން ނިންމި ސަބަބުތައް ރަނގަޅު ނުވަނީ ކީއްވެގެންކަން އެކަށީގެންވާ ގޮތަކަށް އިސްތިއުނާފުކުރާ ފަރާތުން ބަޔާންކޮށްދޭންވާނެއެވެ. (ޕެރ. 21)
ސާބިޤާއެއްގައިވާ އުސޫލު ތަޠުބީޤުކުރުމުގައި ހައިކޯޓުން ހަދާފައިވާ ގޯހަކީ ކޮބައިކަން އެކަށީގެންވާ ގޮތަކަށް ބުނެދެވިފައި ނުވާ، އަދި ދަށު ކޯޓުގައި ބަހުސްކުރެވޭފަދަ އެކަށީގެންވާ ދިފާޢެއް ކަން ނަފީކުރާ ހުށަހެޅުމެއް ނެތް އިސްތިއުނާފީ ނުކުތާއަކީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގައި ބަޔާންކުރާ މިންވަރަށް އިސްތިއުނާފުގެ އޮޅިގަނޑު ގިރާކުރާ ނުކުތާއެއް ނޫނެވެ. (ޕެރ. 22–23)
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު)، 16 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު)، 46 ވަނަ މާއްދާގެ (ށ)
- [2021] SC 41 (އެޓޯލް ބެންޑް ޕްރައިވެޓް ލިމިޓެޑް ވ. މޫސާ ޢަބްދުއްރަޙީމް)
ފަނޑިޔާރުން
- ބެންޗު
- ޢަލީ ރަޝީދު ޙުސައިން (ރިޔާސަތު)، ޙުސްނުއްސުޢޫދު، ޑރ. މުޙައްމަދު އިބްރާހީމް
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢަލީ ރަޝީދު ޙުސައިން · ތާއީދުކުރެއްވީ: ޙުސްނުއްސުޢޫދު، ޑރ. މުޙައްމަދު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު [2024] SC 11 2023/SC-A/31 ޝަރީޢަތް ނިމުނުގޮތް ޝަމީމާ މުޙައްމަދު އަދި އިތުރު 3 ފަރާތެއް ވ. މުޙައްމަދު ނަޢީމް ފަނޑިޔާރުންގެ މަޖިލިސް ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ފަނޑިޔާރު ޙުސްނުއް ސުޢޫދު ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް
ނިމުނު ތާރީޚު 10 މާރޗް 2024
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ 2022/HC-A/180 2022/HC-A/181
2022/HC-A/182 އިސްތިއުނާފު ރައްދުވާ ފަރާތް އިސްތިއުނާފުކުރާ ފަރާތް މުޙައްމަދު ނަޢީމް، މ. ވެލިދޫގެ، މާލެ 1. ޝަމީމާ މުޙައްމަދު، ދަފްތަރު ނަންބަރު ރސ 2911، ކ. މާލެ
2. ރާއިދު ޢަބްދުﷲ ޖަލީލު
3. ރާއިފު ޢަބްދުﷲ ޖަލީލު
4. ރައުޝަން ޢަބްދުﷲ ޖަލީލު، އޯލްވޭޒްހެޕީހައުސް، މާލެ ޤާނޫނީ ވަކީލު: 1. މުޙައްމަދު ޝިފާޒު ޢަބްދުލްޤަދީރު، ސީއެލްއޭ ޕާރޓްނާސް އެލްއެލްޕީ 1. 1. ޤާނޫނީ ވަކީލު: މުޙައްމަދު އިބްރާހީމް، ޕްރޫޑެންޝިއާ ޗެމްބާރސް
މަދަނީ – ޗެކުން ލިބެންޖެހޭ ފައިސާ ހޯދުން – ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 16 ވަނަ މާއްދާ – ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރުމުގައި ގިރާކުރަންޖެހޭ އޮޅިގަނޑު
ފިހުރިސްތު
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު (ފަނޑިޔާރު ޙުސްނުއްސުޢޫދު އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި) 1
ތަޢާރުފު 1
ސިވިލް ކޯޓަށް ހުށަހެޅުނު މައްސަލަތައް 2
(ހ) ސިވިލް ކޯޓުގެ ނަންބަރު 1005/Cv-C/2015 ގަޟިއްޔާ 2
(ށ) ސިވިލް ކޯޓުގެ ނަންބަރު 1007/Cv-C/2015 ގަޟިއްޔާ 3
(ނ) ސިވިލް ކޯޓުގެ ނަންބަރު 1008/Cv-C/2015 ގަޟިއްޔާ 3
ހައިކޯޓުން މައްސަލަ ނިންމިގޮތް 4
ސުޕްރީމް ކޯޓަށް އިސްތިއުނާފަށް ހުށަހެޅި ނުކުތާ 5
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރުމުގައި ގިރާކުރަންޖެހޭ އޮޅިގަނޑު 5
މި މައްސަލައަށް ޤާނޫނު ތަޠުބީޤުކުރުން 6
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު 8
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު 8
ޙުކުމް 8
` ޝަމީމާ މުޙައްމަދު އަދި އިތުރު 3 ފަރާތެއް ވ. މުޙައްމަދު ނަޢީމް [2024] SC 11 ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު (ފަނޑިޔާރު ޙުސްނުއްސުޢޫދު އަދި
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި) ތަޢާރުފު
1. މި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/180 ގަޟިއްޔާއާއި، ނަންބަރު 2022/HC-A/181 ގަޟިއްޔާއާއި، ނަންބަރު 2022/HC-A/182 ގަޟިއްޔާ ނިންމާފައިވަނީ ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ބުނެ މާލެ، ދަފްތަރު ނަންބަރު ރސ 2911 ޝަމީމާ މުޙައްމަދު1 އާއި، މާލެ، ހ. އޯލްވޭޒްހެޕީހައުސް، ރާއިދު ޢަބްދުﷲ ޖަލީލު2 އާއި، މާލެ، ހ. އޯލްވޭޒްހެޕީހައުސް، ރާއިފު ޢަބްދުﷲ ޖަލީލު3 އާއި، މާލެ، ހ. އޯލްވޭޒްހެޕީހައުސް، ރައުޝަން ޢަބްދުﷲ ޖަލީލު4 (ހުރިހާ ފަރާތްތައް އެއްކޮށް މީގެފަހުން "އިސްތިއުނާފުކުރާ ފަރާތްތައް") އިސްތިއުނާފަށް ހުށަހެޅި މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ މާލެ، މ. ވެލިދޫގެ، މުޙައްމަދު ނަޢީމް5 (މީގެފަހުން "މުޙައްމަދު ނަޢީމް") އެވެ.
މައްސަލައިގައި ކަންހިނގާފައިވާ ގޮތް
2. ހ. އޯލްވޭޒްހެޕީހައުސް، މާލެ، އަލްމަރްޙޫމް ޢަބްދުﷲ ޖަލީލު (މީގެފަހުން "އަލްމަރްޙޫމް ޢަބްދުﷲ ޖަލީލު") ގެ އަތުން އަނބުރާ ދައްކާގޮތަށް މުޙައްމަދު ނަޢީމް ފައިސާ ހޯދައި، އެ ފައިސާ ދެއްކުމުގެ ގޮތުން މުޙައްމަދު ނަޢީމް ދޫކޮށްފައިވާ ޗެކްތައް ބައުންސްވުމާ ގުޅިގެން، ޗެކުން ލިބެންޖެހޭ ފައިސާ ހޯދުމަށް އަލްމަރްޙޫމް ޢަބްދުﷲ ޖަލީލުގެ ފަރާތުން ސިވިލް ކޯޓުގައި ދަޢުވާ ކުރިއެވެ.
3. މިގޮތުން ދޫކޮށްފައިވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ ގައި ނައީމް އެންޑް ސަންސް ޓްރޭޑިންގ ކޯޕަރޭޝަން ނަމުގައި ހުޅުވާފައިވާ އެކައުންޓަކަށް ނިސްބަތްވާ ތިން ޗެކެވެ. މި ތިން ޗެކުގެ ތަފްޞީލު ތިރީގައި ބަޔާންކުރަމެވެ.
# ޗެކުގެ ތާރީޙު ޗެކު ނަންބަރު ފައިސާގެ ޢަދަދު 1 20 މެއި 2010 218940 $220,000.00 2 20 ނޮވެންބަރު 2010 218942 $120,000.00 3 20 ޑިސެންބަރު 2010 218943 $75,000.00
4. އަލްމަރްޙޫމް ޢަބްދުﷲ ޖަލީލު ހޯދުމަށް ދަޢުވާކޮށްފައިވާ ފައިސާގެ ޖުމްލަ ޢަދަދަކީ $415,000.00 (ހަތަރު ލައްކަ ފަނަރަ ހާސް އެމެރިކާ ޑޮލަރު) އެވެ.
ސިވިލް ކޯޓަށް ހުށަހެޅުނު މައްސަލަތައް
5. އަލްމަރްޙޫމް ޢަބްދުﷲ ޖަލީލުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާގައި ގޮތް ކަނޑައަޅާފައިވަނީ އެކޯޓުގެ ތަފާތު ތިން ގަޟިއްޔާއަކުންނެވެ. މި ތިން ގަޟިއްޔާގައިވެސް ސިވިލް ކޯޓުން ޙުކުމް ކޮށްފައިވަނީ މުޙައްމަދު ނަޢީމްގެ ޣައިރު ހާޟިރުގައެވެ.
(ހ) ސިވިލް ކޯޓުގެ ނަންބަރު 1005/Cv-C/2015 ގަޟިއްޔާ
6. މި ގަޟިއްޔާގައި ސިވިލް ކޯޓުން ބަލާފައިވަނީ 20 ނޮވެންބަރު 2010 ގައި $120,000.00 އަލްމަރްޙޫމް ޢަބްދުﷲ ޖަލީލުއަށް ނެގޭ ގޮތަށް މުޙައްމަދު ނަޢީމް ޙަވާލުކޮށްފައިވާ ޗެކު ބައުންސްވެފައިވާތީ ހުށަހެޅުނު މައްސަލައެވެ.
7. މި ގަޟިއްޔާގައި ސިވިލް ކޯޓުން ޙުކުމްކޮށްފައިވަނީ، ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔެކިޔުމުން މި ދަޢުވާ ސާބިތުވާތީ، ދަޢުވާގައިވާ ފައިސާ 27 އޮގަސްޓް 2015 އިން ފެށިގެން 1 މަސް ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކައި ޚަލާސް ކުރުމަށް މުޙައްމަދު ނަޢީމްއަށް އަންގައެވެ.
(ށ) ސިވިލް ކޯޓުގެ ނަންބަރު 1007/Cv-C/2015 ގަޟިއްޔާ
8. މި ގަޟިއްޔާގައި ސިވިލް ކޯޓުން ބަލާފައިވަނީ 20 މެއި 2010 ގައި $220,000.00 އަލްމަރްޙޫމް ޢަބްދުﷲ ޖަލީލުއަށް ނެގޭ ގޮތަށް މުޙައްމަދު ނަޢީމް ޙަވާލުކޮށްފައިވާ ޗެކު ބައުންސްވެފައިވާތީ ހުށަހެޅުނު މައްސަލައެވެ.
9. މި ގަޟިއްޔާގައި ސިވިލް ކޯޓުން ޙުކުމް ކޮށްފައިވަނީ، އެ ފައިސާއަކީ އަލްމަރްޙޫމް ޢަބްދުﷲ ޖަލީލުގެ އަތުން އެކި ފަހަރު މަތިން މުޙައްމަދު ނަޢީމް ނަގާފައިވާ ފައިސާކަމާއި، އެއީ އަލްމަރްޙޫމް ޢަބްދުﷲ ޖަލީލު އަށް ލިބެންޖެހޭ ފައިސާކަން ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔެކިޔުމުން ސާބިތުވާތީ، 27 އޮގަސްޓް 2015 އިން ފެށިގެން 4 މަސް ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް އެފައިސާ ދައްކާ ޚަލާސް ކުރުމަށް މުޙައްމަދު ނަޢީމްއަށް އަންގައެވެ.
(ނ) ސިވިލް ކޯޓުގެ ނަންބަރު 1008/Cv-C/2015 ގަޟިއްޔާ
10. މި ގަޟިއްޔާގައި ސިވިލް ކޯޓުން ބަލާފައިވަނީ 20 ޑިސެންބަރު 2010 ގައި $75,000.00 އަލްމަރްޙޫމް ޢަބްދުﷲ ޖަލީލުއަށް ނެގޭ ގޮތަށް މުޙައްމަދު ނަޢީމް ޙަވާލުކޮށްފައިވާ ޗެކު ބައުންސްވެފައިވާތީ ހުށަހެޅުނު މައްސަލައެވެ.
11. މި ގަޟިއްޔާގައި ސިވިލް ކޯޓުން ޙުކުމް ކޮށްފައިވަނީ، އެ ފައިސާއަކީ އަލްމަރްޙޫމް ޢަބްދުﷲ ޖަލީލުގެ އަތުން އެކި ފަހަރު މަތިން މުޙައްމަދު ނަޢީމް ނަގާފައިވާ ފައިސާކަމާއި، އެއީ އަލްމަރްޙޫމް ޢަބްދުﷲ ޖަލީލު އަށް ލިބެންޖެހޭ ފައިސާކަން ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔެކިޔުމުން ސާބިތުވާތީ، 29 އޮކްޓޫބަރު 2015 އިން ފެށިގެން 1 މަސް ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް އެފައިސާ ދައްކާ ޚަލާސް ކުރުމަށް މުޙައްމަދު ނަޢީމްއަށް އަންގައެވެ.
ހައިކޯޓުން މައްސަލަ ނިންމިގޮތް
12. ސިވިލް ކޯޓުގެ ޙުކުމްތައް ހައިކޯޓުގައި މުޙައްމަދު ނަޢީމް ގެ ފަރާތުން އިސްތިއުނާފު ކުރުމުން ހައިކޯޓުން އެ މައްސަލަ ބަލާފައިވަނީ އެކޯޓުގެ ނަންބަރު 2022/HC-A/180 ގަޟިއްޔާއާއި، ނަންބަރު 2022/HC-A/181 ގަޟިއްޔާ އާއި، ނަންބަރު 2022/HC-A/182 ގަޟިއްޔާއިންނެވެ.
13. މި ތިން ގަޟިއްޔާގެ ޝަރީޢަތް އެކޯޓުގައި ހިންގާފައިވަނީ އެކުއެކީގައެވެ. އަދި މި ގަޟިއްޔާތަކުގައި އިސްތިއުނާފު ރައްދުވެފައިވަނީ އަލްމަރްޙޫމް ޢަބްދުﷲ ޖަލީލުގެ ވާރިޘުންނަށެވެ. އެއީ، ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މި މައްސަލައިގައި އިސްތިއުނާފުކުރާ 4 ފަރާތެވެ.
14. ހައިކޯޓުން ފާހަގަކޮށްފައިވަނީ، ކުންފުންޏާބެހޭ ޤާނޫނު6 ގެ 15 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، ޗެކުން ލިބެންޖެހޭ ފައިސާއާ ގުޅިގެން މަދަނީ ދަޢުވާ ކުރަންޖެހޭނީ އެ ޗެކު ދޫކުރި ފަރާތެއްގެ މައްޗަށް ކަމަށާއި، މުޙައްމަދު ނަޢީމް އަށް ޢަބްދުﷲ ޖަލީލު ފައިސާ ދީފައިވާކަން އެނގޭނެ އެކަށީގެންވާ ހެއްކެއް ސިވިލް ކޯޓަށް ހުށަހެޅިފައި ނުވާކަމަށް މުޙައްމަދު ނަޢީމް ބުނާކަމަށެވެ.
15. އެހެން ކަމުން ހައިކޯޓަށް ހުށަހެޅިފައިވާ އިސްތިއުނާފީ ނުކުތާތަކަށް ބަލާއިރު، މުޙައްމަދު ނަޢީމްގެ ފަރާތުން ހުށަހެޅި ދިފާޢުއާމެދު ދަށުކޯޓުގައި ބަހުސް ކުރެވި ގޮތެއް ކަނޑައަޅަންޖެހޭތީ މައްސަލަ ސިވިލް ކޯޓަށް ތަޙުވީލުކޮށް މައްސަލަތައް އަލުން ބަލައި ފައިޞަލާ ކުރަނިވި ޙުކުމެއް ކުރަންޖެހޭ ކަމަށް ހައިކޯޓުން ޙުކުމް ކޮށްފައިވެއެވެ.
ސުޕްރީމް ކޯޓަށް އިސްތިއުނާފަށް ހުށަހެޅި ނުކުތާ
16. ހައިކޯޓުގެ ޙުކުމް ޤާނޫނީ އުސޫލުތަކާ ޚިލާފުކަމަށް ފެންނަ އެއް ނުކުތާ އިސްތިއުނާފުކުރާ ފަރާތްތަކުން ހުށަހަޅާފައިވެއެވެ. އެއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
2022/HC-A/180,181,182 ގަޟިއްޔާތަކުގެ ޙުކުމުގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެޓޯލް ބެންޑް ޕްރައިވެޓް ލިމިޓެޑް ވ. މޫސާ ޢަބްދުރަޙީމް7 ގަޟިއްޔާ އާ ޙަވާލާދީ، ސިވިލް ކޯޓުން ނިންމާފައިވާ ގަޟިއްޔާތައް ބާޠިލުކޮށް، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު8 ގެ 46 ވަނަ މާއްދާގެ (ށ) ގެ ދަށުން ތަޙުވީލުކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރުމުގައި ގިރާކުރަންޖެހޭ އޮޅިގަނޑު
17. ހައިކޯޓުގެ ޙުކުމްތަކާއި ނިންމުންތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވޭ ޙާލަތްތައް ބަޔާންވެފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގައެވެ. އެގޮތުން ހިމެނޭ ޙާލަތްތަކަކީ،
(ހ) އިސްތިއުނާފުކުރުމަށް އެދި ހުށަހަޅާފައިވާ ހައިކޯޓުގެ ޙުކުމް ނުވަތަ ނިންމުން ބިނާކުރެވިފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއް ހުރުން؛ ނުވަތަ ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ ޤާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއް ހުރުން؛
(ށ) ހައިކޯޓުގެ ޙުކުމުގެ ނުވަތަ ނިންމުމުގެ ކުރިއަށް އައި އިޖުރާއަތެއްގައި ހިމެނުނު އަންނަނިވި ބާވަތްތަކުންކުރެ ބާވަތެއްގެ އައިބެއްގެ ސަބަބުން އެ ހުކުމަށް ނުވަތަ ނިންމުމަށް އަސަރު ފޯރުވި އިޖުރާއަތަކީ ބާތިލު އިޖުރާއަތެއް ކަމުގައިވުން:
1. އަޑުއެހުން ބޭއްވުމަށް ގާނޫނުގައި ކަނޑައެޅިފައިވާ ގޮތާ ޚިލާފުވެފައިވާ ކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއް ހުރުން،
2. ޙުކުމްކުރި ނުވަތަ ނިންމުން ނިންމި ފަނޑިޔާރަކީ އެ މައްސަލައެއް ބެލުމަށް ޝަރުއީ ނުވަތަ ގާނޫނީ ގޮތުން ހުރަސްއަޅާފަދަ ސަބަބެއް މެދުވެރިވެފައިވާ ފަނޑިޔާރަކު ކަމުގައިވުން،
3. ކޯޓުގެ ސިއްކަ ޖަހަންޖެހޭ ލިޔުމެއްގައި އެ ސިއްކަ ޖަހާފައި ނެތުން، ނުވަތަ ހުކުމްކުރި ނުވަތަ ނިންމުން ނިންމި ފަނޑިޔާރެއްގެ ސޮއި ނެތުން، މިއެވެ.
މި މައްސަލައަށް ޤާނޫނު ތަޠުބީޤުކުރުން
18. ހައިކޯޓުން މި މައްސަލަ ސިވިލް ކޯޓަށް ތަޙުވީލުކުރަން ނިންމާފައިވަނީ، ސުޕްރީމް ކޯޓުގެ އެޓޯލް ބެންޑް ޕްރައިވެޓް ލިމިޓެޑް ވ. މޫސާ ޢަބްދުއްރަޙީމް9 ގަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލުތަކަށް ރިޢާޔަތްކޮށްގެންނެވެ. އެ ގަޟިއްޔާގައި ބަޔާންވެފައިވަނީ، ޣައިރު ހާޟިރުގައި ޙުކުމްކުރާ މައްސަލަތައް މަޤުބޫލު ސަބަބަކާއެކު ޙުކުމްކުރާ ކޯޓަށް ހުށަހަޅައިފިނަމަ ޝަރުޠުތަކާއެކު ނުވަތަ ޝަރުޠަކާ ނުލައި ޣައިރު ހާޟިރުގައި ކޮށްފައިވާ ޙުކުމް ބާޠިލުކޮށް، ދަޢުވާގެ ޖަވާބު ހުށަހެޅުމަށް ފުރުޞަތުދޭ ޙާލަތްތަކެވެ. އޭގެ ތެރޭގައި ހިމެނެނީ،
(1) ޣައިރު ހާޟިރުގައި ޙުކުމްކުރުމުގައި އިޖުރާއީ އުނިކަމެއް ނުވަތަ އައިބެއް އޮތުމާއި،
(2) ޣައިރު ހާޟިރުގައި ޙުކުމްކުރުމުގައި އިޖުރާއީ އުނިކަމެއް ނުވަތަ އައިބެއް ނެތް ނަމަވެސް، އެ މައްސަލައަކީ ހުށަހަޅާފައިވާ ހުށަހެޅުމަށް ބަލާއިރު، ދަޢުވާ ލިބޭ ފަރާތަށް މައްސަލަ ކާމިޔާބު ކުރުމުގެ އެކަށީގެންވާ ފުރުސަތު އޮތް އަދި އެކަށީގެންވާ ދިފާޢެއް އޮތް މައްސަލައެއް ކަމަށް ފަނޑިޔާރަށް ފެނުމެވެ.
19. ހައިކޯޓުގެ ނިންމުމަށް ބަލާއިރު، އެކޯޓުން މައްސަލަ ތަޙުވީލުކުރަން ނިންމާފައިވަނީ، މުޙައްމަދު ނަޢީމްގެ ފަރާތުން ހުށަހަޅާފައިވާ ދިފާޢަކީ އެކަށީގެންވާ ދިފާޢެއް ކަމުގައި ބަލައިގެންކަން އެނގެއެވެ.
20. އިސްތިއުނާފީ ނުކުތާތަކުގެ ތަފްޞީލުގައި އިސްތިއުނާފުކުރާ ފަރާތްތަކުން ބުނެފައިވަނީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 46 ވަނަ މާއްދާގެ (ށ) ގެ ދަށުން އަލުން ބެލުމަށް ތަޙުވީލުކުރުމުގެ އުސޫލުގެ ދަށުން، ހުށަހެޅިފައިވާ މައްސަލައެއް ތަޙުވީލުކުރާނީ އެ މައްސަލައިގައި ކަންހިނގާފައިވާގޮތް ނުވަތަ ފެކްޓްސް ކަށަވަރުކުރަންޖެހޭ ޙާލަތެއްގައި ކަމަށް ސުޕްރީމް ކޯޓުގެ ޢަލީ މޫސާ ވ. އާސިޔަތު ނިޒާރު10 ގަޟިއްޔާގައި ފާހަގަކޮށްފައިވާ ކަމަށެވެ. އެހެންކަމުން ތަޙުވީލުކުރުމަށްޓަކައި ފެކްޓްސް ކަށަވަރުކުރަންޖެހޭ ޙާލަތެއް މެދުވެރިވެފައިވާކަމަށް އެކަށީގެންވާ މިންގަނޑަކުން ބަލަންޖެހޭނެ ކަމަށާއި، ތަޙުވީލުކުރަން އެދޭ ފަރާތުން ބުނާ ބުނުމެއްގެ މައްޗަށް ހަމައެކަނި ބަރޯސާވެ، މިކަންކަމުގެ މައްޗަށް އެކަން ނަފީކުރާ ފަރާތުން ހުށަހަޅާފައިވާ ކަންކަމުގެ މައްޗަށް ބެލުމެއް ނެތި، ތަޙުވީލުކުރަން ފެންނަކަމަށް ހައިކޯޓުން ކަނޑައެޅުމަކީ، ހަމަހަމަކަމާއި ޢަދުލުވެރިކަމާއެކު އިންސާފަށް ވާޞިލުވެފައިވާކަމަށް ބެލެވޭނެ ޙާލަތެއް ނޫންކަމަށް ބުނެފައިވެއެވެ.
21. ބަޔާންވެދިޔަ ވާހަކަތައް ފިޔަވައި، މައްސަލަ ސިވިލް ކޯޓަށް ތަޙުވީލުކުރެވިފައިވުމާ ގުޅިގެން އިތުރު އެއްވެސް ތަފްޞީލެއް އިސްތިއުނާފުކުރާ ފަރާތްތަކުން ހުށަހަޅާފައި ނުވެއެވެ. ފެކްޓްސް ކަށަވަރުކުރަންޖެހޭ ޙާލަތެއް މެދުވެރިވެފައި ނުވާކަމަށް އިސްތިއުނާފުކުރާ ފަރާތްތަކުން ދެކޭއިރު، އެކަން ބަޔާންކޮށްދެވިފައި އޮންނަން ޖެހޭނެއެވެ. ހައިކޯޓުން މި މައްސަލަތައް ސިވިލް ކޯޓަށް ތަޙުވީލުކުރަން ނިންމި ސަބަބުތައް ރަނގަޅު ނުވަނީ ކީއްވެގެންކަން އެކަށީގެންވާ ގޮތަކަށް އިސްތިއުނާފު ކުރާ ފަރާތްތަކުން ބަޔާންކޮށް ދެވިފައި ނުވާކަން ފާހަގަކުރެވެއެވެ.
22. މީގެ އިތުރުން، އެޓޯލް ބެންޑް ޕްރައިވެޓް ލިމިޓެޑް11 ގަޟިއްޔާގައިވާ އުސޫލު ތަޠުބީޤު ކުރުމުގައި ހައިކޯޓުން ހަދާފައިވާ ގޯހަކީ ކޮބައިކަން އެކަށީގެންވާ ގޮތަކަށް ބުނެދެވިފައި ނުވެއެވެ. އަދި، މުޙައްމަދު ނަޢީމްގެ ފަރާތުން ހައިކޯޓަށް ހުށަހެޅި ދިފާޢަކީ، ސިވިލް ކޯޓަށް ހުށަހެޅި ބަހުސް ކުރެވޭފަދަ އެކަށީގެންވާ ދިފާޢެއް ކަން ނަފީކުރާފަދަ ހުށަހެޅުމެއް އިސްތިއުނާފު ކުރާ ފަރާތްތަކުން ހުށަހަޅާފައި ނުވެއެވެ.
23. އެހެން ކަމުން އިސްތިއުނާފުކުރާ ފަރާތްތަކުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާއަކީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގައި ބަޔާންކުރާ މިންވަރަށް އިސްތިއުނާފުގެ އޮޅިގަނޑު ގިރާކުރާ ނުކުތާއެއްކަމަށް ނުވާތީ، މި މައްސަލައަކީ ސުޕްރީމް ކޯޓުން ބަލައި ގޮތެއް ކަނޑައެޅިދާނެ މައްސަލައެއް ކަމުގައި ނުދެކެމެވެ. މިގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/180 ގަޟިއްޔާއާއި، ނަންބަރު 2022/HC-A/181 ގަޟިއްޔާ އާއި، ނަންބަރު 2022/HC-A/182 ގަޟިއްޔާގެ ނިންމުމަށް ބަދަލު ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށް އަހުރެން ދެކެމެވެ.
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު
24. މި މައްސަލައިގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު
25. މި މައްސަލައިގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެބަޔާންވެދިޔަ ސަބަބުތައް އެގޮތުގެ މަތީން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/180 ގަޟިއްޔާއާއި، ނަންބަރު 2022/HC-A/181 ގަޟިއްޔާ އާއި، ނަންބަރު 2022/HC-A/182 ގަޟިއްޔާގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް ސުޕްރީމް ކޯޓުގައި މިމައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުން ޙުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ: ޙުސްނުއްސުޢޫދު ޢަލީ ރަޝީދު ޙުސައިން މުޙައްމަދު އިބްރާހީމް (ރިޔާސަތު)
1 ދިވެހި ރައްޔިތެއްކަން އަނގައިދޭ ކާޑު ނަންބަރު
2 ދިވެހި ރައްޔިތެއްކަން އަނގައިދޭ ކާޑު ނަންބަރު
3 ދިވެހި ރައްޔިތެއްކަން އަނގައިދޭ ކާޑު ނަންބަރު
4 ދިވެހި ރައްޔިތެއްކަން އަނގައިދޭ ކާޑު ނަންބަރު
5 ދިވެހި ރައްޔިތެއްކަން އަނގައިދޭ ކާޑު ނަންބަރު
6 ޤާނޫނު ނަންބަރު 10/96
7 [2021] SC 41
8 ޤާނޫނު ނަންބަރު 22/2010
9 އބމ 7
10 ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/53 ގަޟިއްޔާ
11 އބމ 7
2023/SC-A/31 [2024] SC 11
2019/SC-A/300 [2021] SC 778
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.