އެޓޯލް ބެންޑް ޕްރައިވެޓް ލިމިޓެޑް ވ. މޫސާ ޢަބްދުރަޙީމް
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
2021/SC-A/02
ޝަރީޢަތް ނިމުނުގޮތް
އެޓޯލް ބެންޑް ޕްރައިވެޓް ލިމިޓެޑް ވ. މޫސާ ޢަބްދުއްރަޙީމް
ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު ޙުސްނުއްސުޢޫދުފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންނިމުނު ތާރީޚު
05 އޭޕްރިލް 2021އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ2019/HC-A/296
މައްސަލަ ރައްދުވާ ފަރާތް
މައްސަލަ ހުށަހަޅާ ފަރާތް
މޫސާ ޢަބްދުއްރަޙީމް
އެޓޯލް ބެންޑް ޕްރައިވެޓް ލިމިޓެޑް
ބަދަލުގައި: ޙާމިދު އަޙްމަދު، ކަރަންކާގެ، ފ. ނިލަންދޫބަދަލުގައި: ނޫރުއްސަލާމް އަބޫބަކުރު، ލެކްޒަވީ ޗެމްބަރސްމަދަނީ – އެއްބަސްވުމާ ޚިލާފުވުން – ޣައިރު ހާޒިރުގައި ހުކުމް ކުރުން – ޣައިރު ހާޒިރުގައި ކުރާ ހުކުމް އެއްފަރާތް ކުރުން – ގާނޫނީ ޚަރަދު ނަގައި ދިނުން
އެޓޯލް ބެންޑް ޕްރައިވެޓް ލިމިޓެޑް ވ. މޫސާ ޢަބްދުއްރަޙީމް
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ތާއީދު ކުރައްވާފައި)
ތައާރުފު
މި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/296 ގަޒިއްޔާ ނިމިފައިވަނީ ގާނޫނާ އެއްގޮތަށް ނޫންކަމަށް ބުނެ އެ ގަޒިއްޔާ އިސްތިއުނާފުކޮށްދިނުން އެދި އެޓޯލް ބެންޑް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރޭޝަން ނަންބަރު C-0523/2013) (މީގެ ފަހުން'އެޓޯލް ބެންޑް') ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައެކެވެ. މި ގަޒިއްޔާގައި އިސްތިއުނާފު ރައްދުވަނީ މޫސާ ޢަބްދުއްރަޙީމް (މީގެ ފަހުން 'މޫސާ ޢަބްދުއްރަޙީމް') އަށެވެ.
މައްސަލައިގައި ކަން ހިނގާފައިވާ ގޮތް
މޫސާ ޢަބްދުއްރަޙީމްގެ 'ގިރިޓީ' އެވެ ކިޔާ އިންޖީނު ދޯނި (މީގެ ފަހުން 'ގިރިޓީ')، އެޓޯލް ބެންޑަށް ކުއްޔަށް ދިނުމަށްޓަކައި 20 ސެޕްޓެމްބަރު 2017 ގައި އެއްބަސްވުމެއްގައި ސޮއިކުރިއެވެ.
ކުލީގެ އެއްބަސްވުމުގެ މުއްދަތަކީ 20 ސެޕްޓެމްބަރު 2017 އިން ފެށިގެން މީލާދީ ދެ އަހަރެވެ. ކުއްޔަކީ މަހަކު 30,000.00ރ. (ތިރީސް ހާސް ރުފިޔާ) އެވެ.
އެއްބަސްވުން ހިނގައިގަތް ދުވަހުން ފެށިގެން 2018 ވަނަ އަހަރުގެ ޖުލައި މަހާ ހަމައަށް ދައްކަންޖެހޭ މަހު ކުލި އެޓޯލް ބެންޑްން މޫސާ ޢަބްދުއްރަޙީމްއަށް ދެއްކި ކަމާމެދު ދެ ފަރާތުގެ ބަހުގައި ޚިލާފެއް ނެތެވެ. އަދި 2018 ވަނަ އަހަރު އޮގަސްޓު މަހުގެ ކުލީގެ ފައިސާގެ ތެރެއިން ނުދެއްކި އޮތް ފައިސާގެ އަދަދަކީ 5000.00ރ. (ފަސްހާސް ރުފިޔާ) ކަމާ މެދުގައި ވެސް ދެ ފަރާތުގެ ދެމެދުގައި ޚިލާފެއް ނެތެވެ.
ދޯނީގެ އިންޖީނުގައި މައްސަލަ ޖެހިގެން ދޯނީގެ ވެރި ފަރާތުން (މޫސާ ޢަބްދުއްރަޙީމް) ފޮނުވި އިންޖިނޭރަކު ލައްވައި އިންޖީނު މަރާމާތުކުރުމުގެ ސަބަބުން އިންޖީނަށް ދިމާވި މައްސަލަ ހައްލުނުވެ އިތުރަށް ގޯސްވެ ދޯނީގެ އިންޖީނުގެ ހާލަތު ރަނގަޅު ކުރެވެން ނެތް ކަމަށްބުނެ، އެއްބަސްވުމުގެ 15.1 ގައި ބަޔާންކުރާ ދެ މަސް ދުވަހުގެ ނޯޓިސް ދީ އެއްބަސްވުން ނިމުމަކަށް ގެނައުމަށް17 ޑިސެމްބަރު 2018 ގައި އެޓޯލް ބެންޑްގެ ފަރާތުން މޫސާ ޢަބްދުއްރަޙީމްއަށް ސިޓީއެއް ފޮނުވިއެވެ. އަދި 1 ޖެނުއަރީ 2019 ގައިވެސް އެޓޯލް ބެންޑް އިން މޫސާ ޢަބްދުއްރަޙީމްއަށް ސިޓީއެއް ފޮނުވިއެވެ. މި ސިޓީގެ ޖަވާބުގައި 2 ޖެނުއަރީ 2019 ގައި މޫސާ ޢަބްދުއްރަޙީމްގެ ފަރާތުން ހުށަހެޅުންތަކަކާ އެކު އެޓޯލް ބެންޑް އަށް ސިޓީއެއް ފޮނުވިއެވެ. މި ސިޓީގައި މޫސާ ޢަބްދުއްރަޙީމްގެ ފަރާތުން ބުނެފައިވަނީ އޭނާގެ އެ ސިޓީގައި ބަޔާންކޮށްފައިވާ ހުށަހެޅުންތައް އެޓޯލް ބެންޑްގެ ފަރާތުން ގަބޫލުނުކުރާނަމަ މައްސަލަ ޝަރީއަތަށް ހުށަހަޅާނެ ކަމަށެވެ.
ހަވާލާ ދެވުނު ސިޓީއިން މޫސާ ޢަބްދުއްރަޙީމް އެޓޯލް ބެންޑްއަށް އަންގާފައިވާ ގޮތަށް، 28 ޖެނުއަރީ 2019 ގައި މޫސާ ޢަބްދުއްރަޙީމްގެ ފަރާތުން ސިވިލް ކޯޓުގައި ދައުވާކުރިއެވެ.
މޫސާ ޢަބްދުއްރަޙީމްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދައުވާގައި އެދިފައިވަނީ ހަތަރު ހައްލެއް ހޯދުމަށެވެ. އެއީ:
(ހ)އެއްބަސްވުން އުވާލި ދުވަހާ ހަމައަށް ދައްކަންޖެހި ނުދައްކައި ހުރި ކުލީގެ ފައިސާ ހޯދުން.
(ށ)ކުލީގެ މުއްދަތުގައި ދޯނި ބަލަހައްޓާފައި ނުވާތީ ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުން.
(ނ)އެއްބަސްވުމުގެ ދަށުން ދޯނި ގެންދިޔައިރު ހުރި ހާލަތުގައި އެ ތަނަކުން ދޯނި ގެނެސްފައިވާ ފ. ނިލަންދޫ ފަޅަށް އެ ދޯނި އަނބުރާ ގެންގޮސް ދޯނި މޫސާ ޢަބްދުއްރަހީމްއާ ހަވާލުކުރުން.
(ރ)ދޯނި އެހެލައި މަރާމާތުކުރުމަށް ދާނެ ޚަރަދާއި ދޯނީގެ އިންޖީނު އޯވަރހޯލް ކުރުމަށް ދާނޭ ޚަރަދު.
މޫސާ ޢަބްދުއްރަޙީމްގެ ފަރާތުން އެޓޯލް ބެންޑްގެ މައްޗަށް ސިވިލް ކޯޓަށް ހުށަހެޅި ސިވިލް ކޯޓުގެ ނަންބަރު 607/Cv-C/2019 ގަޒިއްޔާގައި ސިވިލް ކޯޓުން ހުކުމްކުރީ އެޓޯލް ބެންޑްގެ ޣައިރު ހާޒިރުގައެވެ. އެއީ އެޓޯލް ބެންޑް އިން ކޯޓަށް ހާޒިރުވެފައިނުވާތީ އެވެ. އެ މައްސަލައިގައި ސިވިލް ކޯޓުން ކުރި ހުކުމުގައި އެޓޯލް ބެންޑްގެ މައްޗަށް އަމުރުކޮށްފައިވަނީ ތިރީގައި މިވާ ކަންކަމަށެވެ.
(ހ)މޫސާ ޢަބްދުއްރަޙީމްގެ ފަރާތުން ހޯދުމަށް ދައުވާކުރި ފައިސާގެ ތެރެއިން 246,932.00ރ. (ދެ ލައްކަ ސާޅީސް ހަހާސް ނުވަ ސަތޭކަ ބައްތިރީސް ރުފިޔާ) އަކީ އެޓޯލް ބެންޑްގެ ފަރާތުން މޫސާ ޢަބްދުއްރަޙީމްއަށް ދައްކަން ޖެހޭ ފައިސާގެ އަދަދު ކަމުގައިވާތީވެ، އެ ފައިސާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ދެއްކުމަށް.
(ށ)އެޓޯލް ބެންޑްގެ ބެލުމުގެ ދަށުގައިވާ ގިރިޓީ އެވެ ކިޔާ ދޯނި މޫސާ ޢަބްދުއްރަޙީމްއާ ހަވާލުކުރުމުގެ ގޮތުން 20 (ވިހި) ދުވަހުގެ ތެރޭގައި އެ ދޯނި ރައްކާތެރިކަމާއެކު ފ. ނިލަންދޫ ފަޅަށް ގެންގޮސް މޫސާ ޢަބްދުއްރަޙީމްއާ ހަވާލުކުރުމަށް.
ހައިކޯޓަށް ހުށަހެޅުނު އިސްތިއުނާފުގެ ދައުވާ
ސިވިލް ކޯޓުގެ ނަންބަރު 607/Cv-C/2019 ގަޒިއްޔާ އިސްތިއުނާފުކުރުމަށް އެޓޯލް ބެންޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވަނީ މައިގަނޑު ދެ ނުކުތާއަކަށް އިސްތިއުނާފު ބިނާކޮށްގެންނެވެ. އިސްތިއުނާފުކުރަން ހުށަހެޅި މައިގަނޑު ދެ ނުކުތާއަކީ:
(1)ކޯޓަށް މީހުން ހާޒިރުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ 28 ވަނަ މާއްދާ އާއި އެ ގަވާއިދުގެ 26 ވަނަ މާއްދާ އާއި ގާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އާއި (ށ) އާ ޚިލާފަށް ސިވިލް ކޯޓުގެ ނަންބަރު 607/Cv-C/2019 ގަޒިއްޔާ ނިންމާފައިވުން.
(2)ދެ ފަރާތުގެ ދެމެދުގައި ހެދިފައިވާ އެއްބަސްވުމާއި، ބަދަލުކުރެވިފައިވާ ސިޓީތަކެއް ކޯޓަށް ހުށަހެޅިފައިވާއިރު އެ ލިޔެކިޔުންތަކަށް ރިއާޔަތް ކުރެއްވުމެއް ނެތި، "އަލް އަގްދު ޝަރީއަތުލް މުތައާގިދައިނި" ގެ މަބްދައު އާއި، ފަނޑިޔާރުންގެ ގާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރާއި 3 ވަނަ ނަންބަރާ ޚިލާފަށް މައްސަލަ ނިންމަވާފައިވުން. މި ނުކުތާގެ ދަށުން އިސްތިއުނާފީ 3 ނުކުތާއެއް އިސްތިއުނާފުކުރުމަށް އެޓޯލް ބެންޑްގެ ފަރާތުން ހުށަހަޅާފައިވާކަން ހައިކޯޓަށް ހުށަހެޅުނު އިސްތިއުނާފު ފޯމުންނާއި ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ދެއްކި ވާހަކަތަކުން އެނގެން އޮވެއެވެ. އެއީ:
(ހ)މޫސާ ޢަބްދުއްރަޙީމަށް ދައުވާކުރި ފަރާތުން ނުލިބިވާ ކުލި ކަމަށް ބުނާ ފައިސާގެ ތެރެއިން ސިވިލް ކޯޓުން ނަގައިދީފައިވާ 167,000.00ރ. (އެއްލައްކަ ފަސްދޮޅަސް ހަތްހާސް ރުފިޔާ) އަކީ ދައްކަން ޖެހޭ ފައިސާ އެއް ނޫންކަމަށް ބަޔާންކޮށް ހުށަހެޅި ނުކުތާ (ހައިކޯޓަށް ހުށަހެޅި އިސްތިއުނާފު ފޯމުގެ 8.2.1 ވަނަ ނުކުތާގައި އޭގެ ތަފްސީލް)
(ށ)ޝަރީއަތުން މޫސާ ޢަބްދުއްރަޙީމްއަށް ނަގައިދީފައިވާ ފައިސާގެ ތެރޭގައި ހިމެނޭ 79,932.00ރ. (ހަތްދިހަނުވަ ހާސް ނުވަސަތޭކަ ބައްތިރީސް ރުފިޔާ) އަކީ އެއްބަސްވުމުގައިވާ ގޮތުން އެޓޯލް ބެންޑްގެ ޒިންމާގެ ތެރޭގައި ހިމެނޭ ކަމަކާ ގުޅޭ ފައިސާއެއް ނޫންކަމަށް ބުނެ ހުށަހެޅި ނުކުތާ (ހައިކޯޓަށް ހުށަހެޅި އިސްތިއުނާފު ފޯމުގެ 8.2.2 ވަނަ ނުކުތާގައި އޭގެ ތަފްސީލް)
(ނ)ފ. ނިލަންދޫއަށް އެ އުޅަނދު އަނބުރާ ގެންގޮސްދިނުމަށް ކޮށްފައިވާ އަމުރަކީ އެއްބަސްވުމުގައި ނެތް ޒިންމާއަކާ ގުޅޭ އަމުރެއް ކަމަށް ބަޔާންކޮށް ހުށަހެޅި ނުކުތާ (ހައިކޯޓަށް ހުށަހެޅި އިސްތިއުނާފު ފޯމުގެ 8.2.3 ވަނަ ނުކުތާގައި އޭގެ ތަފްސީލް)
އެޓޯލް ބެންޑުން ހައިކޯޓަށް އިސްތިއުނާފުކުރަން ހުށަހެޅި ފުރަތަމަ ނުކުތާގައި ބުނެފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 607/Cv-C/2019 ގަޒިއްޔާ ނިންމާފައިވަނީ ކޯޓަށް މީހުން ހާޒިރުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ 28 ވަނަ މާއްދާ އާއި އެ ގަވާއިދުގެ 26 ވަނަ މާއްދާ އާއި ގާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އާއި (ށ) އާ ޚިލާފަށް ކަމަށެވެ. މި ނުކުތާއާ ގުޅިގެން ހައިކޯޓުގެ ނަންބަރު 2019/HC-A/296 ގަޒިއްޔާގެ ހުކުމުގައި ކަނޑައަޅާފައިވަނީ އެޓޯލް ބެންޑްގެ ޣައިރު ހާޒިރުގައި ސިވިލް ކޯޓުގެ ނަންބަރު 607/Cv-C/2019 ގަޒިއްޔާ ބަލައި ހުކުމްކޮށްފައިވަނީ ކޯޓަށް މީހުން ހާޒިރުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދާ އެއްގޮތަށް ކަމަށެވެ. ހައިކޯޓުގެ ނަންބަރު2019/HC-A/296 ގަޒިއްޔާގެ ހުކުމުގައި ހައިކޯޓުން ބުނެފައިވަނީ އެޓޯލް ބެންޑްއަކީ ޑިސްޕިއުޓް މަރުހަލާގައި ކޯޓަށް ހާޒިރުވެ ކޯޓާއި މުއާމަލާތްތަކެއް ކުރުމުގެ ސަބަބުން ކުންފުނީގެ މައްޗަށް ހިނގަމުންދާ ދައުވާއެއް އޮތްކަމުގެ އީޖާބީ އިލްމު ލިބިފައިހުރި ފަރާތެއް ކަމަށާއި، އެޓޯލް ބެންޑްއަކީ ސިވިލް ކޯޓަށް މި މައްސަލައިގެ ޝަރީއަތަށް ހާޒިރުވުމަށް ޗިޓު ފޮނުވުމުން މަގުބޫލު އުޒުރެއްނެތި އެ އަޑުއެހުންތައް ކެންސަލް ކޮށްފައިވާ ފަރާތެއް ކަމަށާއި، އެޓޯލް ބެންޑްގެ ފަރާތުން ސިވިލް ކޯޓު އަމުރާ ހަވާލުވެ ކޯޓަށް ހާޒިރުވެފައި ނުވާކަން އެނގެން އޮންނާތީ، ކޯޓަށް ހާޒިރުކުރަންޖެހޭ މީހާ ދީފައިވާ އެޑްރެހުގައި ނެތި، އެ މީހާ ވީތަނެއް ނޭނގޭ ފަރާތްތަކާމެދު އަމަލުކުރަންޖެހޭ އުސޫލުން އެޓޯލް ބެންޑްއާމެދު އަމަލުކުރެވިދާނެ ކަމަށް ބުރަނުވެވޭ ކަމަށާއި، އެހެން ކަމުން މިއީ ކޯޓަށް މީހުން ހާޒިރުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން ވަކިތަނެއްގައި ޗިޓު ނުހިއްޕި ނަމަވެސް ނުވަތަ އާއްމުކޮށް އިއުލާން ނުކުރި ނަމަވެސް މި މައްސަލައިގައި ކުންފުނީގެ އޮފީހަށް ޗިޓު ރައްދުވެ ކޯޓަށް ހާޒިރުވެފައި ނުވާތީވެ، މި މައްސަލައިގައި ދައުވާ ލިބޭ ފަރާތުގެ ޣައިރު ހާޒިރުގައި ޝަރީއަތް ހިންގިދާނެ ކަމަށާއި އެހެންކަމުން މި މައްސަލައަކީ ގާނޫނުއަސާސީގެ 42 ވަނަ މާއްދާއާ ޚިލާފަށް އިންސާފުވެރި ޝަރީއަތެއް ސިވިލް ކޯޓުގައި ކުރެވުމުގެ ހައްގު އެޓޯލް ބެންޑަށް ގެއްލިފައިވާ މައްސަލައެއް ނޫންކަމަށެވެ.
އެޓޯލް ބެންޑްން ހައިކޯޓަށް އިސްތިއުނާފުކުރަން ހުށަހެޅި ފުރަތަމަ ނުކުތާއާ ބެހޭގޮތުން ހައިކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވަނީ 2018 ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން ކުލި ދިނުމުގައި ކުރިމަތިވަމުން އައި މައްސަލަތައް ތަފްސީލުކޮށް ސިވިލް ކޯޓުގައި ކިޔައިދީ، މަދަނީ ދަފްއުއެއް ބިނާކުރުމުގެ ފުރުސަތު އެޓޯލް ބެންޑްއަށް ގެއްލިގެން ގޮސްފައިވަނީ، އެ ފަރާތުގެ ޣައިރު ހާޒިރުގައި މައްސަލަ ނިންމާފައިވާތީ ކަމަށް އިސްތިއުނާފުކުރާ ފަރާތުން ހައިކޯޓުގައި ބުނެފައިވާ ކަމަށާއި، ހައިކޯޓުގައި އިސްތިއުނާފީ މައްސަލަ ބެލުމުގެ އުސޫލަކީ ދަށު ކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާއުތަކަކީ އަސާސްކަމުގައި ބަލައިގެން އެ މައްސަލައެއް އިސްތިއުނާފުން ބެލުން ކަމަށާއި، ދަށު ކޯޓުގައި ހުށަހަޅަންޖެހޭ ދިފާއުތަކާއި ހުށަހެޅުންތައް ހުށަހަޅަން ފުރުސަތު ލިބިފައިނުވަނީ ދަށު ކޯޓުގައި މި މައްސަލަ ހިނގަމުން ދިޔައިރު އެޓޯލް ބެންޑް ކޯޓަށް ހާޒިރުވުމުގައި އަމަލުކޮށްފައިވާ ގޮތުން ކަމަށެވެ. އަދި ކޯޓަށް ހާޒިރުވުމުގެ އަމުރު ލިބުމަށްފަހު ކޯޓަށް ހާޒިރުނުވެ ހުރުމަށްފަހު، ދަށު ކޯޓުން ހުކުމް ކުރުމުން، ޣައިރު ހާޒިރުގައި ހުކުމްކުރުމުގެ ސަބަބުން ދަށު ކޯޓަށް ހުށަހަޅަންޖެހޭ ދިފާއުތަކާއި ހެކި ހުށަހެޅުމަށް ފުރުސަތު ނުލިބުނު ކަމަށް ބުނެ އިސްތިއުނާފީ ނުކުތާއެއްގެ ގޮތުގައި އެކަން ހުށަހަޅައި ހައިކޯޓުން އެކަން ބަލައިގަންނަން ވެއްޖެ ނަމަ އާންމުކޮށް އެންމެން ވެސް ހިނގާނީ އެ މަގުން ކަމަށްވާތީވެ، އެ ކަމަކީ ހައިކޯޓުން ހުޅުވާލަ ދެވޭނެ ފުރުސަތެއް ނޫން ކަމަށެވެ.
އިސްވެ ބަޔާންކުރި ދެ ސަބަބު ބަޔާންކޮށް ސިވިލް ކޯޓުގެ ނަންބަރު 607/Cv-C/2019 ގަޒިއްޔާގެ ހުކުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ 2019/HC-A/296 ނަންބަރު ގަޒިއްޔާ އިން ތާއީދުކޮށްފައި ވެއެވެ.
ސުޕްރީމް ކޯޓަށް ހުށަހެޅުނު އިސްތިއުނާފު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/296 ގަޒިއްޔާ ނިންމާފައިވަނީ ގާނޫނާ އެއްގޮތަށް ނޫންކަމަށް ބަޔާންކޮށް އެޓޯލް ބެންޑްގެ ފަރާތުން އެ ގަޒިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައި ވެއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/296 ގަޒިއްޔާ ނިންމާފައިވަނީ ގާނޫނާ އެއްގޮތަށް ނޫންކަމަށް ބަޔާންކޮށް އެޓޯލް ބެންޑްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ 4 ނުކުތާއެވެ. އެއީ:
(ހ)ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/296 ގަޒިއްޔާ ނިންމާފައިވަނީ ހައިކޯޓަށް ހުށަހެޅުނު ނުކުތާތަކުގެ ތެރެއިން ބައެއް ނުކުތާތަކާ މެދު ގޮތެއް ކަނޑަނާޅައި، ފަނޑިޔާރުންގެ ގާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރާ ޚިލާފަށް، އަދި ކޯޓަށް މީހުން ހާޒިރުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ 28 ވަނަ މާއްދާގެ އެއް ބަޔަށް ރިއާޔަތްނުކޮށް ކަމަށް ވުން.
(ށ)މޫސާ ޢަބްދުއްރަޙީމްއަށް ސިވިލް ކޯޓުގެ ހުކުމުން ނަގައިދީފައިވާ 79,932.00ރ. (ހަތްދިހަ ނުވަހާސް ނުވަ ސަތޭކަ ބައްތިރީސް ރުފިޔާ) ދައްކަން ޖެހޭކަމަށް ހުކުމްކޮށްފައިވަނީ ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމާ ޚިލާފަށް ކަމަށް ހައިކޯޓަށް ހުށަހެޅި ނުކުތާތަކުން އެނގެން އޮތް އިރު، ސިވިލް ކޯޓުގެ ހުކުމަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2019/HC-A/296 ގަޒިއްޔާ ނިންމާފައިވަނީ ފަނޑިޔާރުންގެ ގާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރާއި ޚިލާފަށް، އަދި ކޯޓަށް މީހުން ހާޒިރުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ 28 ވަނަ މާއްދާގެ އެއް ބަޔަށް ރިއާޔަތް ނުކުރެވި ކަމުގައި ވުން.
(ނ)މޫސާ ޢަބްދުއްރަޙީމްއަށް ސިވިލް ކޯޓުން ނަގާދީފައިވާ 167,000.00ރ. (އެއްލައްކަ ފަސްދޮޅަސް ހަތްހާސް ރުފިޔާ) ދައްކަން ޖެހޭކަމަށް ހުކުމްކޮށްފައިވަނީ ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމާ ޚިލާފަށްކަމަށް ހައިކޯޓަށް ހުށަހެޅި ނުކުތާތަކުން އެނގެން އޮތް އިރު، ސިވިލް ކޯޓުގެ ހުކުމަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/296 ގަޒިއްޔާ ނިންމާފައިވަނީ ފަނޑިޔާރުންގެ ގާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރާ ޚިލާފަށް އަދި ކޯޓަށް މީހުން ހާޒިރުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ 28 ވަނަ މާއްދާގެ އެއް ބަޔަށް ރިއާޔަތް ނުކުރެވި ކަމުގައި ވުން.
(ރ)ގިރިޓީ ދޯނި ފ. ނިލަންދޫ ފަޅަށް ގެންދިއުމަށް އިސްތިއުނާފުކުރާ އެޓޯލް ބެންޑްގެ މައްޗަށް ސިވިލް ކޯޓުގެ ނަންބަރު 607/Cv-C/2019 ގަޒިއްޔާގެ ހުކުމުން އަމުރުކޮށްފައިވަނީ ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމާ ޚިލާފަށް ކަމަށް ހައިކޯޓަށް ހުށަހެޅި ނުކުތާތަކުން އެނގެން އޮތް އިރު، ސިވިލް ކޯޓުގެ ހުކުމަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/296 ގަޒިއްޔާ ނިންމާފައިވަނީ ފަނޑިޔާރުންގެ ގާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރާ ޚިލާފަށް، އަދި ކޯޓަށް މީހުން ހާޒިރުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ 28 ވަނަ މާއްދާގެ އެއް ބަޔަށް ރިއާޔަތް ނުކުރެވި ކަމުގައި ވުން.
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރަން ހުށަހެޅި ފުރަތަމަ ނުކުތާ
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/296 ގަޒިއްޔާ ނިންމާފައިވަނީ ހައިކޯޓަށް ހުށަހެޅުނު ނުކުތާތަކުގެ ތެރެއިން ބައެއް ނުކުތާތަކާ މެދު ގޮތެއް ކަނޑަނާޅައި، ފަނޑިޔާރުންގެ ގާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރާ ޚިލާފަށް، އަދި ކޯޓަށް މީހުން ހާޒިރުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ 28 ވަނަ މާއްދާގެ އެއް ބަޔަށް ރިއާޔަތްނުކޮށް ކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވާ ބުނުމަށް ބަލާއިރު، ސިވިލް ކޯޓުގެ ނަންބަރ 607/Cv-C/2019 ގަޒިއްޔާގެ ހުކުމް އިސްތިއުނާފު ކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި ނުކުތާތަކުގެ ތެރެއިން ފުރަތަމަ ނުކުތާގައި އެޓޯލް ބެންޑްގެ ފަރާތުން ބުނެފައިވަނީ، އެޓޯލް ބެންޑްގެ ޣައިރު ހާޒިރުގައި ސިވިލް ކޯޓުގެ ނަންބަރު 607/Cv-C/2019 ގަޒިއްޔާ ބަލައި ހުކުމްކޮށްފައިވަނީ ކޯޓަށް މީހުން ހާޒިރުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ 28 ވަނަ މާއްދާ އާއި އެ ގަވާއިދުގެ 26 ވަނަ މާއްދާ އާއި ޚިލާފަށް ކަމަށެވެ. ހައިކޯޓުގެ ނަންބަރު 2019/HC-A/296 ގަޒިއްޔާގައި ބެލި މި ނުކުތާގައި، ސިވިލް ކޯޓުގެ ނަންބަރު 607/Cv-C/2019 ގަޒިއްޔާގައި ޝަރީއަތް ހިންގުމަށްޓަކައި އެޓޯލް ބެންޑް ހާޒިރުކުރަން ކޯޓުން ކުރި މަސައްކަތް ހައިކޯޓުން ބަޔާންކުރުމަށްފަހު ކޯޓަށް މީހުން ހާޒިރުކުރުމުގައި އަމަލުކުރާނެގޮތުގެ ގަވާއިދުގެ 28 ވަނަ މާއްދާއާއި އެ ގަވާއިދުގެ 26 ވަނަ މާއްދާގެ އަލީގައި ހައިކޯޓުން ކަނޑައަޅާފައިވަނީ އެޓޯލް ބެންޑްގެ ޣައިރު ހާޒިރުގައި ސިވިލް ކޯޓުގެ ނަންބަރު 607/Cv-C/2019 ގަޒިއްޔާ ބަލައި ހުކުމްކޮށްފައިވަނީ ކޯޓަށް މީހުން ހާޒިރުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ 28 ވަނަ މާއްދާއާއި އެ ގަވާއިދުގެ 26 ވަނަ މާއްދާއާ އެއްގޮތަށް ކަމަށް ބުރަވެވޭ ކަމަށެވެ.
އެޓޯލް ބެންޑްގެ ޣައިރު ހާޒިރުގައި ސިވިލް ކޯޓުގެ ނަންބަރު 607/Cv-C/2019 ގަޒިއްޔާ ބަލައި ހުކުމްކޮށްފައިވަނީ ކޯޓަށް މީހުން ހާޒިރުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ 28 ވަނަ މާއްދާއާއި އެ ގަވާއިދުގެ 26 ވަނަ މާއްދާއާ އެއްގޮތަށް ކަމަށް ހައިކޯޓުގެ ނަންބަރު 2019/HC-A/296 ގަޒިއްޔާގެ ހުކުމުގައި ބަޔާންކޮށްފައިވީ ނަމަވެސް، ހައިކޯޓުގެ މި ނުކުތާ ފާހަގަކޮށްފައިވަނީ ކޯޓަށް މީހުން ހާޒިރުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ 28 ވަނަ މާއްދާއާ އެއްގޮތަށް ކަމަށް ބެލެވެން ނެތެވެ. ސަބަބަކީ، ކޯޓަށް މީހުން ހާޒިރުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ 28 ވަނަ މާއްދާގެ އިބާރާތުގައި ސާފު ބަހުން ބުނެފައިވަނީ މައްސަލައެއްގައި ދައުވާލިބޭ ފަރާތުގެ ޣައިރު ހާޒިރުގައި އެ މައްސަލަ ނިންމޭނީ، ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުވުމުގެ އަމުރު ލިބި، މަގުބޫލު އުޒުރެއްނެތި އަމުރުގައިވާ ތާރީޚާއި ގަޑިއަށް ދައުވާލިބޭ ފަރާތް ކޯޓަށް ހާޒިރު ނުވެއްޖެނަމަ، ނުވަތަ ހާޒިރުކުރަންޖެހޭ މީހާ ދީފައިވާ އެޑްރެހުގައި ނެތި، އެ މީހާ ވީތަނެއް ނޭނގޭނަމަ ޣައިރު ހާޒިރުގައި މައްސަލަ ހިންގޭނެކަން އެނގޭނެ ގޮތަށް އެ މީހާ ހޯދުމަށް ރޭޑިއޯއިން ނުވަތަ ޓީވީން ނުވަތަ އެނޫންވެސް ޚަބަރު ފަތުރާ ވަސީލަތަކުން އިއުލާނު ކުރުމަށްފަހު، އިއުލާނުގައިވާ ތާރީޚާއި ގަޑިއަށް ކޯޓަށް ހާޒިރުނުވެއްޖެނަމަ، ކަމުގައެވެ. ވީމާ ސިވިލް ކޯޓުގެ ނަންބަރު 607/Cv-C/2019 ގަޒިއްޔާގައި ހުކުމްކޮށްފައިވަނީ އެފަދަ އިއުލާނެއް ކުރުމަށްފަހުގައި ކަން އެނގެން ނެތުމުން އެ މައްސަލަ ދައުވާލިބޭ ފަރާތުގެ ޣައިރު ހާޒިރުގައި ސިވިލް ކޯޓުން ނިންމާފައި އޮތީ އިޖުރާއަތާ އެއްގޮތަށް ކަމަށް ބެލެވޭނެ ގޮތެއް ނެތެވެ.
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރަން ހުށަހެޅި ދެވަނަ ނުކުތާ
ޣައިރު ހާޒިރުގައި ހުކުމްކުރުމާބެހޭ ގޮތުން އިސްތިއުނާފު ކުރެވުނު ނުކުތާ ފިޔަވައި، ސިވިލް ކޯޓުގެ ނަންބަރު 607/Cv-C/2019 ގަޒިއްޔާގެ ހުކުމް އިސްތިއުނާފު ކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި މައުލޫއީ އެއްވެސް ނުކުތާއަކާ މެދު ހައިކޯޓުގެ ނަންބަރު 2019/HC-A/296 ގަޒިއްޔާގައި ގޮތެއް ކަނޑައަޅާފައި ނެތެވެ. އެގޮތަށް، ހައިކޯޓުގެ ނަންބަރު 2019/HC-A/296 ގަޒިއްޔާގައި އެ ނުކުތާތައް ބަލައި ގޮތެއް ކަނޑައަޅާފައި ނުވާ ސަބަބެއް ކަމަށް އެހުކުމުގައި ބަޔާންކޮށްފައިވަނީ 2018 ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން ކުލި ދިނުމުގައި ކުރިމަތިވަމުން އައި މައްސަލަތައް ތަފްސީލުކޮށް ސިވިލް ކޯޓުގައި ކިޔައިދީ، ދިފާއު ބިނާކުރުމުގެ ފުރުސަތު އެޓޯލް ބެންޑްއަށް ގެއްލިގެން ގޮސްފައިވަނީ، އެ ފަރާތުގެ ޣައިރު ހާޒިރުގައި މައްސަލަ ނިންމާފައިވާތީ ކަމަށް އިސްތިއުނާފުކުރާ ފަރާތުން ހައިކޯޓުގައި ބުނެފައިވާ ކަމަށާއި، ހައިކޯޓުގައި އިސްތިއުނާފީ މައްސަލަ ބެލުމުގެ އުސޫލަކީ ދަށު ކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާއުތަކަކީ އަސާސްކަމުގައި ބަލައިގެން އެ މައްސަލައެއް އިސްތިއުނާފުން ބެލުން ކަމަށާއި، ދަށު ކޯޓުގައި ހުށަހަޅަންޖެހޭ ދިފާއުތަކާއި ހުށަހެޅުންތައް ހުށަހަޅަން ފުރުސަތު ލިބިފައިނުވަނީ ދަށު ކޯޓުގައި މި މައްސަލަ ހިނގަމުން ދިޔައިރު އެޓޯލް ބެންޑް ކޯޓަށް ހާޒިރުވުމުގައި އަމަލުކޮށްފައިވާ ގޮތުން ކަމަށެވެ. އަދި ކޯޓަށް ހާޒިރުވުމުގެ އަމުރު ލިބުމަށްފަހު ކޯޓަށް ހާޒިރުނުވެ ހުރުމަށްފަހު، ދަށު ކޯޓުން ހުކުމް ކުރުމުން، ޣައިރު ހާޒިރުގައި ހުކުމްކުރުމުގެ ސަބަބުން ދަށުކޯޓަށް ހުށަހަޅަންޖެހޭ ހެއްކާއި ހުށަހެޅުންތައް ހުށަހެޅުމަށް ފުރުސަތު ނުލިބުނު ކަމަށް ބުނެ އިސްތިއުނާފީ ނުކުތާއެއްގެ ގޮތުގައި އެކަން ހުށަހަޅައި ހައިކޯޓުން އެކަން ބަލައިގަންނަން ވެއްޖެ ނަމަ އާންމުކޮށް އެންމެން ވެސް ހިނގާނީ އެމަގުން ކަމަށްވާތީވެ، އެ ކަމަކީ ހައިކޯޓުން ހުޅުވާލަ ދެވޭނެ ފުރުސަތެއް ނޫން ކަމަށެވެ. މި ނުކުތާ އަކީ މިކޯޓުން ހައްލެއް ހޯދައިދޭން ޖެހޭ ނުކުތާ އެއް ކަމަށް އަހުރެންނަށް ބުރަވެވެއެވެ.
މަދަނީ މައްސަލަތަކުގައި ޣައިރު ހާޒިރުގައި ހުކުމްކުރުން
އެހެނިހެން ދައުލަތްތަކުގައި މަދަނީ މައްސަލަތަކުގައި ޝަރީއަތްކުރުމުގައި އަމަލުކުރާ ތަފްސީލީ އިޖުރާއަތްތަކާ ޚިލާފަށް ދިވެހިރާއްޖޭގެ ކޯޓުތަކުން މަދަނީ މައްސަލަތައް ބަލައި ފައިސަލާކުރުމުގައި ކަންކުރާނޭ ގޮތް ބަޔާންކުރާ ތަފްސީލީ ގާނޫނެއް ނުވަތަ ގަވާއިދެއް ނެތެވެ. ނަތީޖާއެއްގެ ގޮތުން މަދަނީ މައްސަލަތަކުގައި ދައުވާލިބޭ ފަރާތުން ކޯޓަށް ހާޒިރުނުވެއްޖެނަމަ އެ ޚަސްމެއްގެ ޣައިރު ހާޒިރުގައި މައްސަލަ ބަލައި ފައިސަލާކުރުމަށް ފުދޭ ގަވާއިދެއް ނެތެވެ. މަދަނީ މައްސަލަތަކުގައި ދައުވާލިބޭ ފަރާތުން ކޯޓަށް ހާޒިރުނުވެއްޖެ ނަމަ އެ މައްސަލައެއްގައި އެ ޚަސްމުގެ ޣައިރު ހާޒިރުގައި ހުކުމްކުރަން ބޭނުންކުރަމުން ގެންދަނީ 2006 ވަނަ އަހަރު ހަދާފައިވާ "ކޯޓަށް މީހުން ހާޒިރުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު" ގެ 28 ވަނަ މާއްދާއެވެ. އެ މާއްދާ ތިރީގައި މި ނަކަލުކުރަނީ އެވެ.
ދަޢުވާލިބޭ ފަރާތް ކޯޓަށް ޙާޟިރުނުވުން 28. (ހ) ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ކޯޓަށް ޙާޟިރުވުމުގެ އަމުރު ލިބި، މަޤުބޫލު ޢުޛުރެއްނެތި އަމުރުގައިވާ ތާރީޚާއި ގަޑިއަށް ދަޢުވާލިބޭ ފަރާތް ކޯޓަށް ޙާޟިރުނުވެއްޖެނަމަ، ނުވަތަ ޙާޟިރުކުރަންޖެހޭ މީހާ ދީފައިވާ އެޑްރެހުގައި ނެތި، އެ މީހާ ވީތަނެއް ނޭނގޭނަމަ ޣައިރު ޙާޟިރުގައި މައްސަލަ ހިންގޭނެކަން އެނގޭނެ ގޮތަށް އެ މީހާ ހޯދުމަށް ރޭޑިއޯއިން ނުވަތަ ޓީވީން ނުވަތަ އެނޫންވެސް ޚަބަރު ފަތުރާ ވަޞީލަތަކުން އިޢުލާނު ކުރުމަށްފަހު، އިޢުލާނުގައިވާ ތާރީޚާއި ގަޑިއަށް ކޯޓަށް ޙާޟިރުނުވެއްޖެނަމަ، ކޯޓަށް ޙާޟިރުވުމަށް އެންގުނީކަމަށް ބަލައި، ކޯޓަށް ހުށަހެޅިފައިވާ ހެއްކާއި ޤަރީނާގެ މައްޗަށް ރިޢާޔަތްކޮށް، އެ މީހާގެ ޣައިރު ޙާޟިރުގައި ކޯޓުން ގޮތެއް ނިންމުމުގެ އިޚްތިޔާރު ލިބިގެންވެއެވެ.
މި މާއްދާއަކީ އެއްވެސް ހާލެއްގައި މަދަނީ މައްސަލައެއް ދައުވާލިބޭ ފަރާތުގެ ޣައިރު ހާޒިރުގައި ހުކުމްކުރުމަށް ފުދޭ ގަވާއިދެއް ނޫނެވެ. ޣައިރު ހާޒިރުގައި ހުކުމްކުރުމާ ގުޅޭ އެއްވެސް ތަފްސީލެއް ބަޔާންކޮށްފައި ނެތް މި މާއްދާގެ ދަށުން ހުކުމް ކުރުމުން، ޣައިރު ހާޒިރުގައި ކުރާ ހުކުމެއް ކޮށްފިކަން އެ ޚަސްމަކަށް އެނގޭ ހިސާބުން އެ ޚަސްމު ދެން އަމަލުކުރަންވީ ގޮތާއި ކޯޓުތަކުން އަމަލުކުރަންވީ ގޮތް އެނގެން ނެތުމުން ޣައިރު ހާޒިރުގައި ކުރެވޭ މިފަދަ ހުކުމް ތަކުން އިންސާފު ގެއްލުމަށް މަގުފަހިވެއެވެ. އެގޮތުން މެދުވެރިވާ ބައެއް ކަންކަން ފާހަގަކޮށްލާނަމެވެ.
(ހ)އިސްތިއުނާފުގެ މުއްދަތު ފެށެނީ ކޮން އިރަކުކަން އެނގެން ނެތުން.
(ށ)އިސްތިއުނާފުގެ މައްސަލަ ހައިކޯޓުގައި ހިންގެނީ ދަށު ކޯޓަށް ހުށަހެޅި ހުށަހެޅުންތަކާއި ދިފާއުތަކަކީ އަސާސް ކަމުގައި ބަލައިގެން ކަމަށްވާއިރު، އިސްތިއުނާފުގެ މަރުހަލާގައި މައްސަލަ ބެލެވޭނެ ގޮތެއް ނެތުން.
(ނ)ގާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ އިންސާފުން ޝަރީއަތް ކުރެވުމުގެ ހައްގު ގެއްލިގެން ދިއުން.
އިސްވެ ދިޔަ ޕެރެގްރާފުގައި ބަޔާންކުރެވުނު ކަންކަމުގެ ތެރެއިން އެންމެ ބޮޑު މައްސަލައަކީ ކޯޓުތަކާބެހޭ ގާނޫނުގެ 32 ވަނަ މާއްދާ އޮތް ގޮތުން، ޣައިރު ހާޒިރުގައި ކުރެވޭ ހުކުމެއް ހައިކޯޓުގައި އިސްތިއުނާފީ މައްސަލައެއްގެ ގޮތުގައި ބެލެވޭނެ ގޮތެއް ނެތުމެވެ. ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) ބުނާ ގޮތުން ހައިކޯޓުން މައްސަލަ ބެލުމުގެ އަސާސްއަކީ ދަށު ކޯޓަށް ހުށަހެޅުނު ހެކިތަކާއި ދިފާޢުތަކެވެ. އިސްތިއުނާފުކުރެވޭ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/296 ގަޒިއްޔާގެ ހުކުމުގައި ފަނޑިޔާރު މުޙައްމަދު ނިޔާޒް ފާހަގަކުރައްވާފައިވާ ފަދައިން ހައިކޯޓުގައި އިސްތިއުނާފީ މައްސަލަ ބެލުމުގެ އުސޫލަކީ ދަށު ކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާއުތަކަކީ އަސާސްކަމުގައި ބަލައިގެން އެ މައްސަލައެއް އިސްތިއުނާފުން ބެލުން ކަމުގައިވާއިރު، ޣައިރު ހާޒިރުގައި ހުކުމް ކުރާ މައްސަލަތަކުގައި ދައުވާލިބޭ ފަރާތުން ދަށު ކޯޓަށް އެއްވެސް ދިފާއެއް ނުވަތަ ހެއްކެއް ހުށަހަޅާފައި ނޯންނާނެތީވެ، އެ މައްސަލަ ހައިކޯޓުގައި މައުޟޫއީ ގޮތުން ބެލުން މަހުދޫދުވެފައި ވެއެވެ. ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ށ) ގެ ދަށުން އިސްތިސްނާއީ ހާލަތްތަކުގައި ހެކި ހުށަހެޅުމަށް ހުއްދަ ދެވިދާނެ ކަމާއި އެ މާއްދާގެ (ނ) ގެ ދަށުން ދަށު ކޯޓުގައި މައްސަލަ ބެލިއިރު ނުބެލި ހުރި ކަންކަން ބެލުމަށް ޝަރީއަތްކުރާ ކޯޓަށް އެ މައްސަލައެއް ތަހުވީލުކުރެވިދާނެ ކަން އަހުރެންނަށް އެނގެއެވެ. ނަމަވެސް އެ މޭރުމުން ދަށު ކޯޓަށް އަލުން ބެލުމަށް ތަހުވީލުކުރެވޭ މައްސަލަތައް އަމަލީ ގޮތުން ބެލުމުގައި ފަރަގުތަކެއް ހުންނަކަން ގަބޫލުކުރަން ޖެހެއެވެ. އެ ގޮތުން ތަހުވީލުކުރެވޭ މައްސަލަތައް ބެލުމުގައި ކޯޓުތަކުން ކަންކުރާ ގޮތާއި އާއްމު އުސޫލުން ކޯޓުތަކުން މައްސަލަ ބެލުމުގައި ފުރިހަމަ ކުރާ އިޖުރާއަތުތައް ތަފާތެވެ.
ކުރިއަރާފައިވާ ބައެއް ގާނޫނީ ނިޒާމުތަކުގައި ދައުވާލިބޭ ފަރާތުން ހާޒިރުނުވެގެން ނުވަތަ އިޖުރާއީ ގޮތުން ކުރަންޖެހޭ ކަމެއް ކަނޑައެޅިފައިވާ މުއްދަތުގައި ނުކުރުމުން، ޣައިރު ހާޒިރުގައި ހުކުމްކުރާ މައްސަލަތައް މަގުބޫލު ސަބަބަކާ އެކު ހުކުމްކުރާ ކޯޓަށް ހުށަހަޅައިފިނަމަ ޝަރުތުތަކާއެކު ނުވަތަ ޝަރުތަކާ ނުލައި ޣައިރު ހާޒިރުގައި ކޮށްފައިވާ ހުކުމް ބާތިލުކޮށް ދައުވާގެ ޖަވާބު ހުށަހެޅުމަށް ފުރުސަތުދެއެވެ. އެ ފުރުސަތު ދިނުމަށް ކޯޓުން ނިންމާނީ އަންނަނިވި ހާލަތްތަކުގައެވެ.
(ހ)ޣައިރު ހާޒިރުގައި ހުކުމްކުރުމުގައި އިޖުރާއީ އުނިކަމެއް ނުވަތަ އައިބެއް އޮތުން.
(ށ)ޣައިރު ހާޒިރުގައި ހުކުމްކުރުމުގައި އިޖުރާއީ އުނިކަމެއް ނުވަތަ އައިބެއް ނެތް ނަމަވެސް، އެ މައްސަލައަކީ ހުށަހަޅާފައިވާ ހުށަހެޅުމަށް ބަލާއިރު، ދައުވާލިބޭ ފަރާތަށް އެ މައްސަލަ ކާމިޔާބު ކުރުމުގެ އެކަށީގެންވާ ފުރުސަތެއް އޮތް އަދި އެކަށީގެންވާ ދިފާއެއް އޮތް މައްސަލައެއް ކަމަށް ފަނޑިޔާރަށް ފެނުން.
ދިވެހިރާއްޖޭގެ ކޯޓުތަކާބެހޭ ގާނޫނުގައި ޣައިރު ހާޒިރުގައި ނިންމާ މައްސަލަތަކާބެހޭ ގޮތުން ވަކި އިޖުރާއަތެއް ކަނޑައެޅިފައި ނެތުމުންނާއި ޝަރީއަތްކުރުމާބެހޭ ގަވާއިދެއްގައި އެ ފަދަ ހުކުމްތަކުން ލިބިދާނެ ބޭއިންސާފެއް ހުއްޓުވާނެ ގޮތްތަކެއް ކަނޑައަޅާފައި ނެތުމުން، ޣައިރު ހާޒިރުގައި ނިންމާ މަދަނީ މައްސަލައެއް ހައިކޯޓުގައި އިސްތިއުނާފު ކުރެވިއްޖެނަމަ އަންނަނިވި ހާލަތްތަކުން ކުރެ ހާލަތެއް އޮތްނަމަ ޣައިރު ހާޒިރުގައި ކޮށްފައިވާ ހުކުމް ޝަރުތުތަކާއެކު ނުވަތަ ޝަރުތުތަކާ ނުލައި އެއް ފަރާތްކޮށް، އެ މައްސަލައެއް އަލުން ދަށު ކޯޓުން ބެލުމަށް އެ މައްސަލައެއް ދަށު ކޯޓަށް ތަހުވީލުކުރަންވާނެއެވެ. އެ ހާލަތުތަކަކީ:
(ހ) ޣައިރު ހާޒިރުގައި ހުކުމްކުރުމުގައި އިޖުރާއީ އުނިކަމެއް ނުވަތަ އައިބެއް އޮތުން.
(ށ) ޣައިރު ހާޒިރުގައި ހުކުމްކުރުމުގައި އިޖުރާއީ އުނިކަމެއް ނުވަތަ އައިބެއް ނެތް ނަމަވެސް، އެ މައްސަލައަކީ ދައުވާލިބޭ ފަރާތަށް ކާމިޔާބުކުރުމުގެ އެކަށީގެންވާ ފުރުސަތެއް އޮތް އަދި އެކަށީގެންވާ ދިފާއެއް އޮތް މައްސަލައެއް ކަމަށް ހައިކޯޓަށް ފެނުން.
އިސްވެދިޔަ ޕެރެގްރާފުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޣައިރު ހާޒިރުގައި ދަށު ކޯޓުން ނެރެފައިވާ ހުކުމް އެއްފަރާތްކުރުމަކީ އެންމެ އަދުލުވެރި ގޮތްތޯ ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައެޅުމުގައި އެ މައްސަލައިގައި ޣައިރު ހާޒިރުގައި ހުކުމްކުރިފަހުން ގިނަ ދުވަސްތަކެއް ވެފައިވާނަމަ، އެކަމަށާއި ދަށު ކޯޓުގައި ދައުވާކުރި ފަރާތުގެ ހައްގަކަށް އެ ހުކުމް އެއްފަރާތްކޮށްފިނަމަ ލިބިދާނޭ ގެއްލުމަށްވެސް ރިއާޔަތް ކުރަންވާނެއެވެ.
"ކޯޓަށް މީހުން ހާޒިރުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު" ގެ 28 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިޖުރާއަތުތައް ފުރިހަމަ ކުރުމަށްފަހު، ދައުވާލިބޭ ފަރާތުން ދައުވާއަށް އިންކާރުކުރީ ކަމަށް ބަލައިގެން އެ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކޯޓަށް ހުށަހެޅިފައިވާ ހެއްކާއި ގަރީނާގެ މައްޗަށް ރިއާޔަތްކޮށް، ދައުވާލިބޭ ފަރާތުގެ ޣައިރު ހާޒިރުގައި ކޯޓުން ގޮތެއް ނިންމުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވެއެވެ. މިގޮތަށް ޣައިރު ހާޒިރުގައި ހުކުމްކޮށްފިނަމަ، އެންމެފަހުން ދައުވާލިބޭ ފަރާތް އުޅުނު އެޑްރެހަށް ނުވަތަ ދާއިމީ/ރަޖިސްޓަރީ އެޑްރެހަށް ކޯޓުން އެ ހުކުމުގެ ކޮޕީއެއް ރަޖިސްޓަރީ ޕޯސްޓުން ފޮނުވަންވާނެއެވެ.
މަދަނީ ދެބަސްވުންތައް ކޯޓުގައި އޮމާންކަމާއެކު ހިންގުމަށް ދައުވާލިބޭ ބައެއް ފަރާތްތަކުން ހުރަސް އެޅުމަށްޓަކައި ކޯޓަށް ހާޒިރުނުވުމާއި ކޯޓުގެ އިޖުރާއަތުތައް ފުރިހަމަ ނުކުރުމާއި ކޯޓުގެ އިޖުރާއަތުތައް ތައައްސަފީ ގޮތުގައި ބޭނުންކުރަމުން ގެންދެއެވެ. މިގޮތަށް އަމަލުކުރުމުން ދައުވާކުރާ ފަރާތުން ހުށަހަޅާ މައްސަލަތައް ހުއްޓި އެ މައްސަލަ އެއްވެސް ކޮޅެއްގައި ނުޖެހި ހައްގުތަކުން ޚަސްމުން މަހުރޫމުވެގެން ދެއެވެ. މިކަމަކަށް ހައްލު ލިބޭނީ ދައުވާ ލިބޭ ފަރާތްތަކުން ކޯޓަށް އިޖާބަދިނުމަށް ބާރު އެޅިގެންނެވެ. ޣައިރު ހާޒިރުގައި ހުކުމްކުރުމަކީ ދައުވާ ލިބޭ ފަރާތްތަކުން ކޯޓަށް ހާޒިރުވުމަށާއި ކޯޓަށް އިޖާބަދިނުމަށް ބާރު އެޅުމުގެ ވަސީލަތެކެވެ. މި ވަސީލަތުގެ ސަބަބުން ޚަސްމުންގެ ވަގުތާއި ކޯޓުގެ ވަގުތު ބޭކާރުވުމުން ސަލާމަތް ކުރެވި އިންސާފުގެ ދުވެލި ހަލުއިވެއެވެ. ޣައިރު ހާޒިރުގައި ހުކުމްކުރުމަކީ މައްސަލައިގެ މައުލޫއީ ބުރަދަނަށް ބަލައި ކުރާ ހުކުމަކަށް ވުރެ ބޮޑަށް ދައުވާލިބޭ ފަރާތް ކޯޓަށް ހާޒިރުވުމަށް ބާރު އެޅުމުގެ ގޮތުން އަޅާ އިދާރީ ފިޔަވަޅެކެވެ. ޣައިރު ހާޒިރުގައި ހުކުމްކުރުމަކީ، އެއްވެސް ހާލެއްގައި، ދައުވާލިބޭ ފަރާތް ހަދާ ގޯހެއްގެ ސަބަބުން އެފަރާތަށް ދޭ އުގޫބާތެއް ކަމަށް ބަލައިގެން ނުވާނެއެވެ. މަދަނީ މައްސަލަތަކުގައި ކޯޓުތަކުގެ މަގްސަދަކަށް ވާންޖެހޭނީ ޚަސްމުންގެ ހައްގުތައް ކަނޑައަޅައި ބަޔާންކޮށް ދިނުމެވެ. އުގޫބާތް ދިނުމެއް ނޫނެވެ.
މަދަނީ މައްސަލަތަކުގައި ކޯޓުތަކުގެ މަގްސަދަކަށް ވާންޖެހޭނީ ޚަސްމުންގެ ހައްގުތައް ކަނޑައަޅައި ބަޔާން ކޮށްދިނުން ކަމަށް ވާތީ އާއި، ޣައިރު ހާޒިރުގައި ހުކުމްކުރުމަކީ ދައުވާލިބޭ ފަރާތް ހަދާ ގޯހެއްގެ ސަބަބުން އެ ފަރާތަށް އުގޫބާތެއް ދިނުމުގެ ގޮތުން ކުރާ ކަމަކަށް ނުވާތީ އާއި، އެއާ ޚިލާފަށް، ޣައިރު ހާޒިރުގައި ހުކުމް ކުރުމަކީ ދައުވާލިބޭ ފަރާތް ކޯޓަށް ހާޒިރުވުމަށް ބާރު އެޅުމުގެ ގޮތުން އަޅާ އިދާރީ ފިޔަވަޅެއް ކަމަށް ވާތީވެ، މައްސަލައިގެ މައުލޫއީ ބުރަދަނަށް ބެލިގެން، ކޯޓުން ފައިސަލާކުރަނިވި ފުރިހަމަ ހުކުމެއް ކޮށްފުމަށް ދާންދެން، އަދުލު އިންސާފަށްޓަކައި ކޯޓުގެ އަމުރުކުރަނިވި ބާރުގެ ބޭނުންކޮށްގެން އަޅާފައިވާ މިފަދަ ފިޔަވަޅުތައް އަނބުރާ ގެންދިއުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވެއެވެ. ނަމަވެސް އެފަދަ ފިޔަވަޅުތައް އަޅަންވާނީ މި ހުކުމުގައި ބަޔާންކޮށްފައިވާ އުސޫލާ އެއްގޮތަށެވެ.
ދައުވާލިބޭ ފަރާތުން ގަސްތުގައި ކުރާ ކަމަކުން ނުވަތަ އެ ފަރާތުންގެ އިހުމާލުގެ ސަބަބުން ޣައިރު ހާޒިރުގައި މައްސަލައިގައި ހުކުމްކުރުމަށްފަހު، އެ މައްސަލަ ހައިކޯޓަށް ގެންގޮސް އެ މައްސަލަ އަލުން ދަށު ކޯޓުން ބަލައި ޝަރީއަތްކުރަންޖެހޭ ހާލަތުގައި އެ މައްސަލައިގައި ދަށު ކޯޓުގައި ދައުވާކުރި ފަރާތުން އިތުރަށް ޚަރަދެއް ކުރަންޖެހޭ ގޮތްވުމަކީ ކޯޓުން ވިސްނަން ޖެހޭނެ ކަމެކެވެ. ވީމާ، ޣައިރު ހާޒިރުގައި ހުކުމްކުރާ މައްސަލައެއްގެ ޝަރީއަތް ދަށު ކޯޓުގައި އަލުން ކުރަންޖެހޭ ހާލަތު މެދުވެރިވާ މައްސަލަތަކުގައި ހުކުމްކުރާއިރު އެ މައްސަލައެއްގައި ދައުވާލިބޭ ފަރާތަށް މައްސަލަ ގެއްލިއްޖެނަމަ، އަލުން ދަށު ކޯޓުގައި ޝަރީއަތް ހިންގުމަށް ހިނގި އެކަށީގެންވާ ޚަރަދުތައް ހޯދުމަށް ދައުވާކުރުމުގެ ހައްގު އެ މައްސަލައިގައި ދައުވާކުރާ ފަރާތަށް ލިބިގެންވެއެވެ. އަދި އެފަދަ މައްސަލަތަކުގައި ދަށު ކޯޓުން ހުކުމްކުރާއިރު، ދައުވާކުރާ ފަރާތަށް ކުރަންޖެހުނު ޚަރަދުގެ ތެރެއިން އެކަށީގެންވާ މިންވަރެއް ދައުވާލިބޭ ފަރާތުގެ ކިބައިން ނަގައިދިނުމަށް ވަކި މައްސަލައެއްގެ ގޮތުގައި ދަށު ކޯޓަށް މައްސަލަ ހުށަހެޅިދާނެ ކަމަށް ހުކުމުގައި ކަނޑައަޅަންވާނެއެވެ. މި މަފްހޫމަކީ މިހާރުވެސް ދިވެހިރާއްޖޭގެ ކޯޓުތަކާބެހޭ ގާނޫނުގެ 33 ވަނަ މާއްދާގެ (ބ) ގައި ބަޔާންކުރެވިފައިވާ މަފްހޫމެކެވެ. ދިވެހިރާއްޖޭގެ ކޯޓުތަކާބެހޭ ގާނޫނުގެ 33 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވަނީ ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފުގެ މައްސަލައަކީ މަކަރާއި ހީލަތް ހެދުމުގެ ގަސްތުގައި ނުވަތަ އޮޅުވާލުމުގެ ގަސްތުގައި ނުވަތަ މީހަކަށް ލިބެންވާ ހައްގަކުން އެ ފަރާތް މަހުރޫމްކުރުމުގެ ގަސްތުގައި ހުށަހަޅާފައިވާ އިސްތިއުނާފުގެ މައްސަލައެއް ކަމަށްވާނަމަ، އެ މައްސަލަ އެގޮތަށް ހުށަހެޅުމުގެ ސަބަބުން ގެއްލުން ލިބޭ ފަރާތަށް ބަދަލުދިނުމަށް ހުކުމްކުރުމުގެ އިޚްތިޔާރު ހައިކޯޓަށް ލިބިގެންވާ ކަމަށެވެ. އެހެންކަމުން ޣައިރު ހާޒިރުގައި ހުކުމްކުރެވޭ މައްސަލަތަކުގައި ދައުވާލިބޭ ފަރާތުން ކޯޓުގެ އިޖުރާއަތްތައް ދައުވާލިބޭ ފަރާތަށް ގެއްލުންވާ ގޮތަށް ތައައްސަފީ ގޮތުން ބޭނުންކުރާ މައްސަލަތަކުގައި ގެއްލުމުގެ ބަދަލު ނަގައިދިނުމަކީ އެންމެ މަސްލަހަތު ހުރި ގޮތެވެ. ނަމަވެސް މިގޮތުން ނަގައިދޭ ކޮންމެ ބަދަލަކީ ވަކިވަކިން ހެކި ހުށަހަޅައިގެން ސާބިތުކޮށްދެވޭ ގެއްލުމަކަށްވާން ޖެހޭނެއެވެ. އަދި ނަގައިދޭ ޚަރަދުގެ އަދަދަކީ އެކަށީގެންވާ މިންވަރަށް ވުރެ ބޮޑު އަދަދަކަށް ވެގެން ނުވާނެއެވެ.
މި މައްސަލައިގައި ގޮތެއް ކަނޑައެޅުން
ކޯޓަށް މީހުން ހާޒިރުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ 28 ވަނަ މާއްދާގައި ބުނެފައިވަނީ މަދަނީ މައްސަލައެއްގައި ދައުވާލިބޭ ފަރާތުގެ ޣައިރު ހާޒިރުގައި އެ މައްސަލަ ނިންމޭނީ، ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުވުމުގެ އަމުރު ލިބި، މަގުބޫލު އުޒުރެއްނެތި އަމުރުގައިވާ ތާރީޚާއި ގަޑިއަށް ދައުވާލިބޭ ފަރާތް ކޯޓަށް ހާޒިރު ނުވެއްޖެނަމަ، ނުވަތަ ހާޒިރުކުރަންޖެހޭ މީހާ ދީފައިވާ އެޑްރެހުގައި ނެތި، އެ މީހާ ވީތަނެއް ނޭނގޭނަމަ ޣައިރު ހާޒިރުގައި މައްސަލަ ހިންގޭނެކަން އެނގޭނެ ގޮތަށް އެ މީހާ ހޯދުމަށް ރޭޑިއޯއިން ނުވަތަ ޓީވީން ނުވަތަ އެނޫންވެސް ޚަބަރު ފަތުރާ ވަސީލަތަކުން އިއުލާނު ކުރުމަށްފަހު، އިއުލާނުގައިވާ ތާރީޚާއި ގަޑިއަށް ކޯޓަށް ހާޒިރުނުވެއްޖެނަމަ، ކަމުގައެވެ. ނަމަވެސް ސިވިލް ކޯޓުގެ ނަންބަރު 607/Cv-C/2019 ގަޒިއްޔާ ނިމުނު ގޮތުގެ ރިޕޯޓާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/296 ގަޒިއްޔާ ނިމުނު ގޮތުގެ ރިޕޯޓުން އެނގެނީ ސިވިލް ކޯޓުގެ ނަންބަރު 607/Cv-C/2019 ގަޒިއްޔާ ސިވިލް ކޯޓުން ނިންމާފައިވަނީ ކޯޓަށް މީހުން ހާޒިރުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ 28 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތާ ޚިލާފަށް ދައުވާލިބޭ ފަރާތް ހޯދުމަށް ރޭޑިއޯއިން ނުވަތަ ޓީވީން ނުވަތަ އެނޫންވެސް ޚަބަރު ފަތުރާ ވަސީލަތަކުން އިއުލާނު ކުރުމެއް ނެތި ކަމެވެ. ވީމާ ސިވިލް ކޯޓުގެ ނަންބަރު 607/Cv-C/2019 ގަޒިއްޔާ ސިވިލް ކޯޓުން ނިންމާފައިވަނީ ކޯޓަށް މީހުން ހާޒިރުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ 28 ވަނަ މާއްދާއާ ޚިލާފަށެވެ.
ސިވިލް ކޯޓުގެ ނަންބަރު 607/Cv-C/2019 ގަޒިއްޔާގެ ހުކުމް އިސްތިއުނާފު ކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި ދެވަނަ ނުކުތާގެ ތެރޭގައި ހިމެނޭ އެއްވެސް ނުކުތާއެއް މައުލޫއީ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/296 ގަޒިއްޔާގައި ބަލައި ގޮތެއް ކަނޑައަޅާފައި ނެތްކަން އެ ގަޒިއްޔާ ނިމުނު ގޮތުގެ ރިޕޯޓުން އެނގެއެވެ.
ސިވިލް ކޯޓުގެ ނަންބަރު 607/Cv-C/2019 ގަޒިއްޔާ ދައުވާކުރާ ފަރާތުގެ ޣައިރު ހާޒިރުގައި ނިންމާފައިވަނީ ކޯޓަށް މީހުން ހާޒިރުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދާ އެއްގޮތަށް ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/296 ގަޒިއްޔާގައި ގޮތެއް ކަނޑައަޅާފައިވަނީ ޣައިރު ހާޒިރުގައި މަދަނީ މައްސަލަތައް ނިންމުމުގެ އިޖުރާއަތާ އެއްގޮތަށް އިއުލާންކުރުމެއް ނެތި ކަމަށް ވާތީ އާއި، އެޓޯލް ބެންޑްގެ ފަރާތުން އިސްތިއުނާފު ކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި ފޯމުގައި ބަޔާންކޮށްފައިވާ ދެވަނަ ނުކުތާގެ ދަށުގައި ބަޔާންކޮށްފައިވާ ތިން ނުކުތާއާ މެދު ހައިކޯޓުން ގޮތެއް ކަނޑައަޅާފައި ނުވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/296 ގަޒިއްޔާގެ ހުކުމް ބާތިލުކޮށް، އެޓޯލް ބެންޑްގެ ފަރާތުން އިސްތިއުނާފު ކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި ފޯމުގައި ބަޔާންކޮށްފައިވާ ދެވަނަ ނުކުތާގެ ދަށުގައި ބަޔާންކޮށްފައިވާ ތިން ނުކުތާ ސިވިލް ކޯޓުގައި އަލުން ބެލުމަށްޓަކައި އެ މައްސަލަ ސިވިލް ކޯޓަށް ތަހުވީލުކުރުމަށްޓަކައި ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު) ގެ 18 އަދި 19 ވަނަ މާއްދާގައިވާ ގޮތުގެމަތިން މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ތަހުވީލުކުރަންޖެހެއެވެ.
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު
މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
މަތީގައި ބަޔާންކުރެވުނު ސަބަބުތައް އެގޮތުގެމަތިން ހުރުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/296 ގަޒިއްޔާގައި ގޮތެއް ކަނޑައަޅާފައިވަނީ ޣައިރު ހާޒިރުގައި މަދަނީ މައްސަލަތައް ނިންމުމުގެ އިޖުރާއަތާ އެއްގޮތަށް އިއުލާންކުރުމެއް ނެތި ކަމަށް ވާތީ އާއި، އެޓޯލް ބެންޑްގެ ފަރާތުން އިސްތިއުނާފު ކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި ފޯމުގައި ބަޔާންކޮށްފައިވާ ދެވަނަ ނުކުތާގެ ދަށުގައި ބަޔާންކޮށްފައިވާ ތިން ނުކުތާއާމެދު ހައިކޯޓުން ގޮތެއް ކަނޑައަޅާފައި ނުވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2019/HC-A/296 ގަޒިއްޔާގެ ހުކުމާއި ސިވިލް ކޯޓުގެ ނަންބަރު 607/Cv-C/2019 ގަޒިއްޔާގެ ހުކުމް ބާތިލުކޮށް، އެޓޯލް ބެންޑްގެ ފަރާތުން އިސްތިއުނާފު ކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި ފޯމުގައި ބަޔާންކޮށްފައިވާ ދެވަނަ ނުކުތާގެ ދަށުގައި ބަޔާންކޮށްފައިވާ ތިން ނުކުތާ ސިވިލް ކޯޓުގައި އަލުން ބެލުމަށްޓަކައި އެ މައްސަލަ ސިވިލް ކޯޓަށް ތަހުވީލުކުރުމަށްޓަކައި ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު) ގެ 18 އަދި 19 ވަނަ މާއްދާގައިވާ ގޮތުގެމަތިން މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ތަހުވީލުކުރުމަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
އަޒްމިރާލްދާ ޒާހިރުޙުސްނުއްސުޢޫދުޢަލީ ރަޝީދު ޙުސައިން(ރިޔާސަތު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.