ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2024] SC 41 · 2023/SC-A/12ސުޕްރީމް ކޯޓު · 28 ޖުލައި 2024

ބޭންކް އޮފް މޯލްޑިވްސް ޕލކ ވ. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް އަދި އަޙްމަދު އައިމަން ލަޠީފް

ސުޕްރީމް ކޯޓު
ފަހުގެ ޙުކުމަކުން ތަފާތުކޮށްފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 28 ޖުލައި 2024ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު [2024] SC 41 2023/SC-A/12 ޝަރީޢަތް ނިމުނުގޮތް ބޭންކް އޮފް މޯލްޑިވްސް ޕލކ ވ. އިންފޮމޭޝަން ކޮމިޝަނަރު އަދި އަޙްމަދު އައިމަން ލަޠީފް ފަނޑިޔާރުންގެ މަޖިލިސް ޙުސްނުއްސުޢޫދު ޢަލީ ރަޝީދު ޙުސައިން މުޙައްމަދު އިބްރާހީމް ނިމުނު ތާރީޚު 28 ޖުލައި 2024

އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ 2022/HC-A/109

އިސްތިއުނާފު ރައްދުވާ ފަރާތް އިސްތިއުނާފުކުރާ ފަރާތް 1. އިންފޮމޭޝަން ކޮމިޝަނަރު ބޭންކް އޮފް މޯލްޑިވްސް ޕލކ ޤާނޫނީ ވަކީލު: ފާޠިމަތު ޝަފްނީޒް، އަޒޫރް ޗޭމްބަރސް ޤާނޫނީ ވަކީލު: މަޒްލާން ރަޝީދު، މަޒްލާން އެންޑް މުރާދު ލޯ އެސޯސިއޭޓްސް އެލް.އެލް.ޕީ 2. އަޙްމަދު އައިމަން ލަޠީފް، ގ. ކެތުލިން، މާލެ

މަދަނީ — ދައުލަތުގެ އިދާރާ — މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު — ވިޔަފާރީގެ ސިއްރު — (Trade Secret) ދައުލަތުގެ އިދާރާއެއްކަން ނުވަތަ ނޫންކަން ކަނޑައެޅުމުގެ ޓެސްޓް — މައުލޫމާތު ދޫނުކުރުމުގެ އިޚްތިޔާރު — ތިންވަނަ މީހެއްގެ ޒާތީ މައުލޫމާތު ދޫކުރުން — ފަރުދުންގެ ޒާތީ މައުލޫމާތު ދޫކުރުން

ފިހުރިސްތު

ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު 1

ތަޢާރުފު 1

މައްސަލައިގައި ކަން ހިނގާފައިވާ ގޮތް 1

ބީއެމްއެލްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފު 4

އިންފޮމޭޝަން ކޮމިޝަނަރުގެ ފަރާތުން ހުށަހެޅި ޖަވާބު 7

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު 8

"ދައުލަތުގެ އިދާރާ" މާނަކުރުން 11

ގާނޫނުގެ 30 ވަނަ މާއްދާ އާއި މައުލޫމާތު ދޫނުކުރުމުގެ އިޚްތިޔާރު 15

ހޯދަން އެދިފައިވާ މައުލޫމާތަކީ ފަރުދުންގެ ޒާތީ މައުލޫމާތުތޯ 18

ނިންމަން ފެންނަ ގޮތް 20

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު 20

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު 20

ޙުކުމް 21

` ބޭންކް އޮފް މޯލްޑިވްސް ޕލކ ވ. އިންފޮމޭޝަން ކޮމިޝަނަރު އަދި އަޙްމަދު އައިމަން ލަޠީފް [2024] SC 00 ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު : (ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި) ތަޢާރުފު

1. މި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/109 ގަޒިއްޔާގެ ހުކުމާމެދު ހިތް ހަމަނުޖެހިގެން ބޭންކް އޮފް މޯލްޑިވްސް ޕލކ ގެ (މީގެ ފަހުން "ބީއެމްއެލް" ކަމަށް ބުނެފައިވާ) ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ މައްޗަށާއި އަޙްމަދު އައިމަން ލަޠީފްގެ (މީގެ ފަހުން "އައިމަން" ކަމަށް ބުނެފައިވާ) މައްޗަށެވެ.

މައްސަލައިގައި ކަން ހިނގާފައިވާ ގޮތް

2. މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްޤުގެ ޤާނޫނުގެ1 ދަށުން އައިމަންގެ ފަރާތުން ބީއެމްއެލް އަށް ހުށަހަޅާފައިވަނީ ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންނާއި ހިންގުމުގެ އިސް މުވައްޒަފުންނަށް ދީފައިވާ މުސާރަ އާއި އިނާޔަތްތަކުގެ ތަފްސީލު ވަކިވަކީން އެނގޭނެހެން ހޯދުމަށާއި، ބޭންކުގައި މަސައްކަތްކުރާ އެންމެހައި މުވައްޒަފުންގެ މަގާމުތަކުގެ ތަފްސީލު (ކޮންމެ މަގާމެއްގައި ތިބި މުވައްޒަފުންގެ އަދަދު އެނގޭނެހެން) ހޯދުމަށެވެ.

3. އައިމަން ހޯދަން އެދިފައިވާ މައުލޫމާތު ބީއެމްއެލް އިން ދީފައި ނުވެއެވެ. ބީއެމްއެލްއިން އެ މައުލޫމާތު ނުދިނުމުން އައިމަން އެ މައްސަލަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހެޅިއެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެ މައްސަލަ ބެލުމަށްފަހު އަމުރުކުރީ ބީއެމްއެލްއިން އެ މައުލޫމާތު އައިމަން އަށް ދޫކުރުމަށެވެ.2

4. އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމާމެދު ހިތްހަމަނުޖެހިގެން ބީއެމްއެލްގެ ފަރާތުން އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. އެ ނިންމުން އިސްތިއުނާފުކުރުމަށް ބީއެމްއެލްގެ ފަރާތުން ހައިކޯޓަށް ހުށަހެޅީ ދެ ނުކުތާއެވެ. އެ ނުކުތާތަކަކީ:

(ހ) ބީއެމްއެލް އަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ރިވެލީގެ ތެރެއަށް ނުފެތޭ ޕަބްލިކް ކުންފުންޏެއް ކަމަށްވާއިރު، ބީއެމްއެލް އަކީ "ދައުލަތުގެ އިދާރާއެއް" ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ކަނޑައަޅާފައިވަނީ އެ ގާނޫނާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާ.

(ށ) ބަދަލު ހުށަހެޅުމެއްގެ ގޮތުގައި، ބީއެމްއެލް އަކީ "ދައުލަތުގެ އިދާރާއެއް" ކަމަށް ބެލެވުނު ނަމަވެސް، ހޯދަން އެދިފައިވާ މައުލޫމާތަކީ ބީއެމްއެލްގެ ވިޔަފާރިއާއި މާލީ މަސްލަހަތަށް ގެއްލުމެއް ފޯރަފާނޭ މައުލޫމާތަކަށްވާއިރު، އެ މައުލޫމާތު ދޫނުކޮށް ހިފެހެއްޓުމުގެ އިޚްތިޔާރު ބީއެމްއެލްއަށް ލިބިގެންވާތީވެ، އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުން ނިންމާފައިވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 30 ވަނަ މާއްދާގެ (ށ) އާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާ.

5. ބީއެމްއެލް އިން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފުގައި މައިގަނޑު ގޮތެއްގައި ބުނެފައިވަނީ؛ (1) މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 72 ވަނަ މާއްދާގެ (ޅ) ގައި "ދައުލަތުގެ އިދާރާ" ވަކި ހުދޫދެއްގެ ތެރޭގައި މާނަކޮށްފައިވަނިކޮށް، އެ ގާނޫނުގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ހަދާފައިވާ ގަވާއިދުގެ 67 ވަނަ މާއްދާގެ (ޅ) ގައި، "ދައުލަތުގެ އިދާރާ" ގެ މާނައިގެ ތެރެއަށް "ދައުލަތުން އުފައްދާފައިވާ ކުންފުނިތައް" އިތުރުކޮށްފައިވަނީ ޣައިރުދުސްތޫރީ ގޮތުން ކަމަށާއި، (2) ބީއެމްއެލް އަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 72 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކުރާ ފަދަ "ދައުލަތުގެ އިދާރާއެއް" ނޫން ކަމަށާއި، އަދި ބަހުސްގެ ބޭނުމަށް ބީއެމްއެލް އަކީ "ދައުލަތުގެ އިދާރާއެއް" ކަމަށް ބެލި ނަމަވެސް، އައިމަން ގެ ފަރާތުން ހޯދަން އެދިފައިވާ މައުލޫމާތަކީ ބީއެމްއެލްގެ ވިޔަފާރިއާއި މާލީ މަސްލަހަތަށް ގެލުމެއް ފޯރަފާނޭ މައުލޫމާތު ކަމަށްވާއިރު، މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 30 ވަނަ މާއްދާގެ (ށ) ގެ ދަށުން އެ މައުލޫމާތު ދޫނުކޮށް ހިފެހެއްޓުމުގެ އިޚްތިޔާރު ބީއެމްއެލް އަށް ލިބިގެންވާ ކަމަށެވެ.

6. މި މައްސަލައިގައި ހައިކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، ބީއެމްއެލް އަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 72 ވަނަ މާއްދާގެ (ޅ) މާނަކުރުމުގައި ހިމަނާފައިވާ ބައިތަކުގެ ތެރެއިން އެތަނެއް ހިންގުމުގައި ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ ތަނެއްގެ ގޮތުގައި ބެލެވޭ ކުންފުންޏެއް ކަމަށެވެ. އެ ސަބަބަށްޓަކައި އެ ގަވާއިދުގައި ދައުލަތުގެ އިދާރާ މާނަކޮށްދީފައިވާ އިބާރާތުގެ ތެރޭގައި "ދައުލަތުން އުފައްދާފައިވާ ކުންފުނިތައް" ހިމަނާފައި އޮތުމަކީ ގާނޫނާ ފުށުއަރާ ކަމެއް ނޫންކަމަށާއި އެއީ ގާނޫނުގައިވާ "ދައުލަތުގެ އިދާރާ" އަށް ދީފައިވާ މާނަ އިތުރަށް ތަފްސީލުކޮށްދިނުމަށް ހިމަނާފައިވާ ބައެއް ކަމަށެވެ. އިސްތިއުނާފުގެ ދެވަނަ ނުކުތާއާ ބެހޭ ގޮތުން ހައިކޯޓުން ނިންމާފައިވަނީ އައިމަން ހޯދަން އެދިފައިވާ މައުލޫމާތު ހާމަކުރުމުން ބޭންކުގެ ވިޔަފާރިއަށް ނުވަތަ ބޭންކުގެ މާލީ މަސްލަހަތަށް ގެއްލުން ވެދާނެ ސަބަބެއް ބީއެމްއެލް އަށް ބުނެދެވިފައި ނުވާ ކަމަށެވެ.

ބީއެމްއެލްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފު

7. ހައިކޯޓުން މި މައްސަލަ ނިމުނުގޮތާމެދު ހިތް ހަމަނުޖެހިގެން ބީއެމްއެލްގެ ފަރާތުން މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައި ވެއެވެ. ބީއެމްއެލް އިން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކަކީ:

(ހ) ބީއެމްއެލް އަކީ ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ ތަނެއްގެ ގޮތުގައި ބެލެވޭކަމަށް ހައިކޯޓުން ނިންމާފައިވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނާއި މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ގާނޫނާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާ.

(ށ) ބީއެމްއެލް އަކީ ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ ތަނެއްގެ ގޮތުގައި ބެލެވޭކަމަށް ހައިކޯޓުން ނިންމާފައިވަނީ ކުންފުންޏާބެހޭ ގާނޫނުގެ 15 ވަނަ މާއްދާގެ (ހ) އާއި ޚިލާފަށް އަދި އެފަދައިން ނިންމާފައިވަނީ ބޭންކުގެ އަސާސީ ގަވާއިދާއި ސަރުކާރުން އެދިގެން ބޭންކުން ފޯރުކޮށްދޭ ޚިދުމަތްތަކުގައި ބޭންކުން އަދާކުރާ ދައުރު ގޯސްކޮށް މާނަކުރެވިގެން ކަމަށް ބުނެ ހުށަހެޅި ނުކުތާ.

(ނ) ބީއެމްއެލް އަކީ ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ ތަނެއްގެ ގޮތުގައި ބެލެވޭކަމަށް ހައިކޯޓުން ނިންމާފައިވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނާއި މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ގާނޫނާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާ.

8. ބީއެމްއެލްގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކުގެ ތަފްސީލުގައި ބުނެފައިވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު ހަދާފައިވަނީ ވަކި ޚާއްސަކަމަކަށް ކަމަށާއި، އެބޭނުމަށްޓަކައި އެ ގާނޫނުގެ ރިވެލި ވަނީ ވަކި ހުދޫދެއްގެ ތެރޭގައި ވަރަށް ސާފުކޮށް ކަނޑައަޅާފައި ކަމަށާއި، އެހެންކަމުން އެ ގާނޫނުގައި ބަޔާންވެފައިވާ ޒިއްމާތައް އަދާކުރަންޖެހެނީ އެ ގާނޫނުގައި ކަނޑައަޅާފައިވާ ވަކިބަޔަކު ކަމަށެވެ. އެހެންކަމުން، އެ ގާނޫނަކީ ރާއްޖޭގެ އެންމެންނާއި އެންމެހައި ކުންފުނިތަކުން އަމަލުކުރަންޖެހޭ ގާނޫނެއް ނޫންކަމަށެވެ. ބީއެމްއެލްގެ ފަރާތުން ބުނެފައިވަނީ އެ ގާނޫނު ބުނާގޮތުން އެ ގާނޫނު ތަންފީޒުކުރެވޭނީ ހަމައެކަނި ދައުލަތުގެ އިދާރާތަކުގެ މައްޗަށް ކަމަށް ވާތީވެ، ގާނޫނުގައި ކަނޑައަޅާފައިވާ އެ ގާނޫނުގެ ރިވެލީގެ ބޭރުން "ދައުލަތުން އުފައްދާފައިވާ ކުންފުނިތައް" އެ ގާނޫނުގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރު ހަދާފައިވާ ގަވާއިދަށް އިތުރުކޮށް، އެ ގާނޫނުގެ ރިވެލި ފުޅާކުރުމަކީ ދުސްތޫރީ ގޮތުން އިންފޮމޭޝަން ކޮމިޝަނަރަށް ކުރެވޭނެ ކަމެއް ނޫންކަމަށެވެ.

9. އިތުރަށް ބީއެމްއެލް އިން ބުނެފައިވަނީ، ބީއެމްއެލް އަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގައި ބަޔާންކުރާ؛ (1) ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ ތަނެއް، ނުވަތަ، (2) ދައުލަތުގެ ބަޖެޓުން ހިންގާތަނެއް، ނުވަތަ (3) ދައުލަތުގެ ބަޖެޓުން އެހީ ލިބިގެން ހިންގާތަނެއްވެސް ނޫން ކަމަށާއި، އެހެންކަމުން، ބީއެމްއެލް އަކީ އެ ގާނޫނު ހިނގާ ރިވެލީގެ ތެރޭގައި ހިމެނޭ ޝަޚްސެއް ކަމަށް ބެލެވޭނެ އެއްވެސް ހަމައެއް ނެތް ކަމަށެވެ. އެހެންކަމުން ގަވާއިދުގައި ދައުލަތުގެ އިދާރާ މާނަކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުން ދީފައިވާ ބާރަށްވުރެ ފުޅާކޮށް ކަމަށެވެ. އަދި ދައުލަތުގެ ހިއްސާއެއް ކުންފުންޏެއްގައި އޮތުމަކީ އެ ކުންފުންޏެއް ދައުލަތުގެ އިދާރާއެއް ކަމަށްވުން ނޫން ކަމަށް ވެސް ބީއެމްއެލްގެ ފަރާތުން ބުނެފައި ވެއެވެ.

10. ބީއެމްއެލްގެ ފަރާތުން ބުނެފައިވަނީ، ބީއެމްއެލް އަކީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 72 ވަނަ މާއްދާގެ (ޅ) ގައި ބުނާފަދަ "އެތަނެއް ހިންގުމުގައި ދައުލަތުގެ މަސްއޫލިއްޔަތު އަދާކުރާ ތަނެއް" ކަމަށް ހައިކޯޓުން ކަނޑައަޅާފައިވަނީ އެކޯޓުން ތިން ކަމެއް ފާހަގަކޮށްފައި ކަމަށެވެ. އެކަންކަމަކީ:

(1) ބީއެމްއެލް އަކީ ބޭންކިންގ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށް ދިނުމަށްޓަކައި ދައުލަތުން އުފައްދާފައިވާ ތަނެއް ކަމަށްވުން؛ އަދި (2) އެ ބޭންކުގައި ދައުލަތުގެ އަޣުލަބިއްޔަތު ހިއްސާ އޮތް ތަނެއް ކަމަށްވުން؛ އަދި (3) ބީއެމްއެލްގެ އަސާސީ ގަވާއިދުގެ 5 ވަނަ މާއްދާގައި އެކުންފުނީގެ މައިގަނޑު މަގްސަދުކަމުގައި ދިވެހި ސަރުކާރުން އަންގާ ގޮތެއްގެ މަތިން ސަރުކާރުގެ އެޖެންޓެއްގެ ގޮތުން ލޯނު އަދި ހިލޭ އެހީގެ ކަންތައް ހިންގައި ބެލެހެއްޓުމާއި، ދަނޑުވެރިންނަށާއި، އެކިއެކި މަސައްކަތްތައް ކުރާ ފަރާތްތަކަށާއި، އަތްތެރި މަސައްކަތްކުރާ ފަރާތްތަކަށާއި، މަސްވެރިންނަށާއި، ރަށްފުށުގައި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ކްރެޑިޓާއި އެހެނިހެން ވަސީލަތްތައް ލިބޭނެ ގޮތް ހަމަޖައްސައި ދިނުން.

11. ބީއެމްއެލް އިން ބުނެފައިވަނީ، މަތީގައި އިސްވެ މި ބަޔާންކުރި ކަންކަމަށް ރިއާޔަތްކޮށް ބީއެމްއެލްއަކީ ދައުލަތުގެ މަސްއޫލިއްޔަތު އަދާކުރާތަނެއް ކަމަށް ހައިކޯޓުން ކަނޑައަޅާފައިވާ ކަމަށާއި، އެހެންކަމުން އެއީ ކުންފުންޏާބެހޭ ގާނޫނުގެ 15 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުންފުނީގެ ވަކި ގާނޫނީ ޝަޚުސުގެ މަފްހޫމާ ޚިލާފު ނިންމުމެއް ކަމަށެވެ.

12. ބީއެމްއެލް އިން ބުނެފައިވަނީ ބަހުސްގެ ބޭނުމަށް ބީއެމްއެލްއަކީ ދައުލަތުގެ މަސްއޫލިއްޔަތު އަދާކުރާ ތަނެއް ކަމަށްވީ ނަމަވެސް އައިމަން ހޯދަން އެދިފައިވާ މައުލޫމާތަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 30 ވަނަ މާއްދާގެ ދަށުން ދޫނުކޮށް ހިފެހެއްޓުމުގެ އިޚްތިޔާރު ބޭންކަށް ލިބޭނޭ މައުލޫމާތު ކަމަށެވެ. ސަބަބަކީ އެ މައުލޫމާތަކީ އެ މައުލޫމާތު ދޫކޮށްފިނަމަ، ފޫނުބެދޭނެ ފަދަ ގެއްލުމެއް ބޭންކުގެ ވިޔަފާރިއަށް ވެދާނެ މައުލޫމާތެއް ކަމަށާއި، އެހެނީ އެ މައުލޫމާތު ހާމަކޮށްފިނަމަ، ބޭންކުގެ ވިޔަފާރީގެ މަސްލަހަތަށް ނުވަތަ މާލީ މަސްލަހަތަށް ފޫނުބެދޭނެ ގެއްލުމެއް ވެދާނެ ކަމަށެވެ. މި ނުކުތާ ފުޅާކުރަމުން ބީއެމްއެލް އިން ބުނެފައިވަނީ، ބީއެމްއެލްއަކީ ރާއްޖޭގައި ކޮމާޝަލް ބޭންކިންގ ގެ ޚިދުމަތްދޭ އެންމެ ބޮޑު ބޭންކަށްވާއިރު، އައިމަން ހޯދަން އެދިފައިވާ މައުލޫމާތަކީ ބޭންކުގެ ވިޔަފާރީގެ ސިއްރުކަމަށްވުމުން، އެ މައުލޫމާތު އެފަރާތަށް ދޫކޮށްފިނަމަ، ފޫނުބެދޭ ވަރުގެ ގެއްލުމެއް ބޭންކަށް ވެދާނެކަމަށެވެ. އެ މައުލޫމާތު ހާމަކޮށްފިނަމަ، ބޭންކުގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް އެހެން ބޭންކުތަކަށް އެނގުމުގެ ފުރުސަތު އޮންނާނެ ކަމަށާއި، ބޮޑެތި ކުންފުނިތަކުގެ ހިންގުމުގެ އިސް މުވައްޒަފުންނާއި ވަކި ގިންތިތަކެއްގެ ޚާއްސަ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަކީ "ޓްރޭޑް ސީކްރެޓްސް" ކަމަށާއި، އެ މައުލޫމާތު ހާމަވެއްޖެނަމަ، ބޭންކުގެ ވާދަވެރިން އޭގެ ނާޖާއިޒު ފައިދާ ނަގައި ހަދާތީވެ އެއީ "ޓްރޭޑް ސީކްރެޓްސް"ގެ ތެރޭގައި ހިމެނޭ މައުލޫމާތު ކަމަށެވެ. އަދި ބޭންކިންގ ވިޔަފާރިއަކީ ބޭންކުގެ ވަކި ބައިތަކެއްގައި މަސައްކަތްކުރާނޭ ގާބިލު، ތައުލީމީ އަދި ތަޖުރިބާހުރި ދިވެހި މުވައްޒަފުން ހޯދުމުގައި ވަރަށް ވާދަވެރި ވިޔަފާރިއެއް ކަމަށެވެ. އެހެންކަމުން އެފަދަ ގާބިލު މުވައްޒަފުން ހޯދުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށާއި، އެއް ބޭންކުން އަނެއް ބޭންކަށް މުވައްޒަފުން ގެންދަން އޮންނަ އެންމެ ފަހި ގޮތަކީ އެ ބޭންކުން ދޭ މުސާރައާއި އިނާޔަތްތަކުގެ މިންވަރު އެނގުން ކަމަށެވެ. މިކަން މިގޮތަށް މެދުވެރިވެއްޖެ ނަމަ ބޭންކުގެ މަސްލަހަތަށް އިއާދަނުކުރެވޭނެ ގެއްލުން ލިބިދާނެ ކަމަށެވެ. އެހެނީ ގިނަ މުވައްޒަފުންނަކީ ބޭންކުން ޚަރަދުކޮށްގެން ރާއްޖެއިން ބޭރުން ތަމްރީންކޮށްފައިވާ މުވައްޒަފުންކަމަށްވާއިރު، ބޭންކުގެ ވާދަވެރިން އެ މުވައްޒަފުން ބޮޑު މުސާރަ ދީގެން ގެންދިއުމަކީ ވަރަށް ބޭއިންސާފު ކަމަކަށްވެ، އެ މުވައްޒަފުންގެ ފުށުން ބީއެމްއެލްގެ ވިޔަފާރީގެ ސިއްރުތައް ފާޅުވެ، ވާދަވެރިންނަށް ނޭދެވޭ ފައިދާއެއް ލިބޭނެ ކަމަށެވެ. އަދި ބޭންކުގެ ވިޔަފާރީގެ ސަލާމަތީކަންކަމަށް ލޮޅުން އެރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމެކެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ ފަރާތުން ހުށަހެޅި ޖަވާބު

13. އިންފޮމޭޝަން ކޮމިޝަނަރުގެ ފަރާތުން ހުށަހެޅި ޖަވާބުގައި ބުނެފައިވަނީ ގަވާއިދުގެ 67 ވަނަ މާއްދާގެ (ޅ) ގައި ދައުލަތުގެ އިދާރާ މާނަކޮށްފައި އޮތްގޮތް އެއްވެސް ކޯޓަކުން ބާތިލުކޮށްފައިނުވާ އިރު، ގަވާއިދު ތަންފީޒުކުރަންވާނީ ގަވާއިދުގައިވާ ގޮތަށް ކަމަށެވެ. އަދި ދައުލަތުން އުފައްދާ ކުންފުންޏަކީ އެތަނެއް އުފައްދައި ހިންގުމަށް ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްފައިވާ ތަނެއް ނޫންކަމަށް ނުބުނެވޭނެ ކަމަށެވެ. އެހެންކަމުން، ދައުލަތުގެ ބަޖެޓުން ޚަރަދުކުރާ ކުންފުނިތަކަކީ ދައުލަތުގެ އެހީ ލިބިގެން ހިންގާ ތަންތަން ކަމަށެވެ. ދައުލަތުން އުފައްދާ ކުންފުނިތަކަކީ ދައުލަތުން ޚަރަދުކޮށް އިންވެސްޓްކޮށް އެތަންތަނުން ދައުލަތަށް ނަފާވާނެ ކަމަށް ބަލައިގެން އުފައްދާ ކުންފުނިތަކެއް ކަމަށެވެ. އެގޮތުން ދައުލަތުގެ ފައިސާއަކީ ރައްޔިތުންގެ ފައިސާ ކަމަށްވާއިރު، އެފައިސާ އިންވެސްޓްކޮށްގެން ލިބޭ ފައިދާ އާއި ގެއްލުމަކީ ދައުލަތުގެ މާލިއްޔަތަށް ލިބޭ ގެއްލުމާ ފައިދާ ކަމަށެވެ.

14. އިންފޮމޭޝަން ކޮމިޝަނަރުގެ ފަރާތުން ބުނެފައިވަނީ، ބީއެމްއެލްއަކީ ދައުލަތުގެ 50.80% ހިއްސާ އޮންނަ ކުންފުންޏެއް ކަމަށާއި، ބީއެމްއެލްގެ ރައުސްމާލަށް ދައުލަތުން ޚަރަދުކޮށްފައިވާ ކަމަށާއި، ބީއެމްއެލްގެ ކޮންޓްރޯލް އޮތީ ސަރުކާރަށް ކަމަށެވެ. އަދި ބީއެމްއެލްގެ ބޯޑުގެ 11 މެންބަރުންގެ ތެރެއިން 7 މެންބަރުންނަކީ ސަރުކާރު ތަމްސީލުކުރަން އައްޔަންކުރާ ފަރާތްތަކެއް ކަމަށެވެ.

15. މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނަށް ބަލާއިރު، މި ގާނޫނުގެ މަގްސަދަކީ ހާމަކަން ބޮޑު ގޮތެއްގައި ޖަވާބުދާރީ ކުރަނިވި ގޮތަށް ކަންކަން ކުރިއަށް ގެންދިއުން ކަމަށާއި، ގާނޫނުއަސާސީގެ 212 ވަނަ މާއްދާއަށް ބަލާއިރު، ވިޔަފާރިއެއްގައި ދައުލަތުގެ ހިއްސާއެއް އޮންނަ ކޮންމެ ވިޔަފާރިއަކީ ގާނޫނެއްގައި އެހެންގޮތަކަށް ކަނޑައަޅާފައިނުވާނަމަ، ދައުލަތުން އޮޑިޓްކުރެވޭ ތަނެއް ކަމަށެވެ.

16. އިސްތިއުނާފު ރައްދުވާ ދެވަނަ ފަރާތް ކަމަށްވާ އައިމަންގެ ޖަވާބުގައި ވާހަކަ ދައްކާފައިވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ ޖަވާބުގައި ވެސް ވާހަކަދައްކާފައިވާ މޭރުމުންނެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު

17. ގާނޫނުއަސާސީގެ ދެވަނަ މާއްދާގައިވާ ގޮތުން ދިވެހި ދައުލަތަކީ ރައްޔިތުންގެ ވެރިކަމެއް ހިންގާ ގައުމެކެވެ. ދައުލަތުގެ ކަންކަން ހިނގާގޮތުގެ މައުލޫމާތު ރައްޔިތުންނަށް ހޯދޭނެ ގޮތަކަށް ދައުލަތުގެ ކަންކަން އިންތިޒާމުވެފައި އޮތުމަކީ ރައްޔިތުންގެ ވެރިކަން ދެމިއޮތުމަށް ކޮންމެހެން ބޭނުންވާ ރުކުނެކެވެ. އޭގެ އިތުރަށް، އެއީ މުޖުތަމައު ކުރިއަރައި ތަރައްގީވުމަށް ބޭނުންވާ މައިގަނޑު އެއް ޝަރުތެވެ. ސަބަބަކީ ދައުލަތުގެ މައުލޫމާތު ރައްޔިތުންނަށް ލިބޭނެ ގޮތަށް އޮތުމުން ކޮރަޕްޝަން މަދުކުރެވޭނެތީ އާއި ދައުލަތް ހިންގާ ފަރާތްތައް ޖަވާބުދާރީ ކުރެވޭނެތީއެވެ. ދައުލަތުގެ މުވައްޒަފުންނާއި މުއައްސަސާތައް ޖަވާބުދާރީ ކުރުމުގެ ނިޒާމެއް ވުޖޫދުގައި އޮންނާނީ ދައުލަތުގެ އެންމެހައި ގުނަންތައް ހިނގާނުހިނގާ ގޮތުގެ މައުލޫމާތާއި ކުރާ ކަންތަކާއި ނިންމާ ނިންމުންތަކުގެ މައުލޫމާތު ރައްޔިތުންނަށް ލިބިގެންނެވެ. އެ މައުލޫމާތު ނޫސްވެރިންނަށް ލިބިގެންނެވެ. ސަރުކާރުންނާއި ދައުލަތުގެ މުއައްސަސާތަކުން ކުރާ މުއާމަލާތުތައް ސިއްރިޔާތުގައި ވަންހަނާވެ ފޮރުވިގެން ހިންގާނަމަ ކޮރަޕްޝަނަށް މަގުފަހިވެ، ގާނޫނުތަކުން ވެރިންނާ މަތިކޮށްފައިވާ ބާރުތައް ނަހަމަގޮތުގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެއެވެ. ގާނޫނުއަސާސީގައިވާ ބައެއް އަސާސީ ހައްގުތަކާއި، އެނޫންވެސް ބައެއް ހައްގުތައް ތަންފީޒުކުރެވޭނީ ދައުލަތުގެ އެކިތަންތަނުގައި ރައްކާކުރެވިފައި ހުންނަ، އަދި އެތަންތަނުން ބަލަހައްޓަމުންގެންދާ މައުލޫމާތު ލިބިގެންނެވެ. މަތީގައި މި ބުނި ފަދައިން މައުލޫމާތު ލިބުމަކީ ރައްޔިތުންގެ ވެރިކަން ހިންގުމުގެ މައިގަނޑު ރުކުނަކަށް ވާތީވެ، ގާނޫނުއަސާސީގެ ރައްޔިތުންގެ އަސާސީ ހައްގުތަކުގެ ބާބުގައިވާ 29 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ މައުލޫމާތު ހޯދުމުގެ ހައްގު ކޮންމެ މީހަކަށްމެ ލިބިގެންވާ ކަމަށެވެ. ގާނޫނުއަސާސީގެ 29 ވަނަ މާއްދާގައިވާ މައުލޫމާތު ހޯދުމުގެ ހައްގު ތަންފީޒުކުރުމުގެ ގޮތުން، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ނަމުގައި ގާނޫނެއް ހަދާފައި ވެއެވެ.

18. މައުލޫމާތު ހޯދުމަށް ގާނޫނުއަސާސީގައި ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ހައްގަކީ ދައުލަތުގެ ކަންކަން ހާމަކޮށް ހުޅުވައިލައިގެން ހިންގުމަށް މަގުފަހިކުރުމަށާއި ދައުލަތުގެ މުވައްޒަފުން ޖަވާބުދާރީ ކުރުވުމަށް އެކަށައަޅާފައިވާ ހައްގެކެވެ. އެހެންކަމުން، ގާނޫނުއަސާސީގައިވާ މި އަސާސީ ހައްގު މާނަކޮށް ތަތުބީގުކުރަންވާނީ މި ހައްގު ހަނިނުވާނެ ގޮތަކަށްކަން ގާނޫނުއަސާސީގެ 69 ވަނަ މާއްދާއިން އެނގެއެވެ. ގާނޫނުއަސާސީގެ 69 ވަނަ މާއްދާގައި ބުނެފައިވަނީ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އެއްވެސް ޙައްޤަކަށް ނުވަތަ މިނިވަންކަމަކަށް އުނިކަމެއް ލިބޭނޭފަދަ ޢަމަލެއް ކުރުމުގެ، ނުވަތަ އެފަދަ ޢަމަލެއްގައި ބައިވެރިވުމުގެ ޙައްޤު އެއްވެސް މީހަކަށް ނުވަތަ ޖަމާޢަތަކަށް ނުވަތަ ދައުލަތަށް ލިބޭނޭފަދަ ގޮތަކަށް ޤާނޫނުއަސާސީގައި ހިމެނޭ އެއްވެސް މާއްދާއެއް މާނަކޮށް ނުވަތަ ތަރުޖަމާކޮށްގެން ނުވާނެ ކަމަށެވެ. ގާނޫނުއަސާސީގެ 69 ވަނަ މާއްދާގައިވާ ހުކުމަކީ އެންމެން ހުރުމަތްތެރިކޮށް ހިތުން ލާޒިމު ހުކުމެކެވެ.

19. މައުލޫމާތު ހޯދައި ލިބިގަތުމުގެ މިނިވަންކަމަކީ އެންމެ މުހިންމު އަދި އެންމެ އިސްވެގެންވާ އެއް އަސާސީ ހައްގެއްގެ ގޮތުގައި ސިފަކުރެވެނީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ރައްޔިތުންގެ ވަރަށް ގިނަ އަސާސީ ހައްގުތަކާއި މިނިވަންކަން ބޭނުންކޮށް، ތަންފީޒުކުރެވޭނީ ދައުލަތުގެ ފަރާތުން ލިބެންޖެހޭ މައުލޫމާތު ތަނަވަސްކަމާއި ފަސޭހަކަމާއެކު ލިބިގެންކަމަށްވާތީއެވެ. މި ބަޔާންކުރި ވާހަކައިގެ މިސާލެއް ބަޔާންކޮށްލާނަމެވެ. ގާނޫނުއަސާސީގެ 28 ވަނަ މާއްދާގައި ބުނެފައިވަނީ ނޫސްވެރިކަން ކުރުމާއި، ޚަބަރާއި، މަޢުލޫމާތާއި، ފެންނަ ގޮތްތަކާއި، ޚިޔާލުތައް ފާޅުކުރުމާއި، ޝާއިޢުކުރުމާއި، ފެތުރުމުގެ މިނިވަންކަން ކޮންމެ މީހަކަށް ލިބިގެންވާ ކަމަށެވެ. އަދި ގާނޫނުއަސާސީގެ 27 ވަނަ މާއްދާގައި ބުނެފައިވަނީ މިނިވަންކަމާއެކު ފިކުރުކުރުމާއި، އިސްލާމްދީނުގެ އަޞްލަކާ ޚިލާފުނުވާ ގޮތެއްގެމަތީން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި، ޚިޔާލުތައް ދުލާއި ގަލަމުން އަދި މިނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާ ކަމަށެވެ. ނޫސްތަކަށާއި ނޫސްވެރިންނަށް ސަރުކާރުން މައުލޫމާތު ނުލިބޭނަމަ، މިނިވަންކަމާއެކު ނޫސްވެރިކަންކޮށް އެ ހައްގުގެ ބޭނުމެއް ނުކުރެވޭނެއެވެ. ރައްޔިތުންނަށް ފެންނަ ގޮތްތައް ބަޔާންކޮށް ހަގީގަތާއެއްގޮތަށް ޚިޔާލު ފާޅުކުރެވޭނީ މައުލޫމާތު ލިބިގެންނެވެ. ދައުލަތުން މީހެއްގެ މައްޗަށް އަޅާ އިދާރީ ފިޔަވަޅަކަށް ތައުނު ކުރެވޭނީ އެކަމަކާބެހޭ ގޮތުން ދައުލަތުން އަމަލުކުރި ގޮތުގެ މައުލޫމާތު ލިބިގެންނެވެ.

20. ރައްޔިތުންގެ ވެރިކަމުގެ ނިޒާމުގައި ދައުލަތް ހިންގުމުގެ އާއްމު އުސޫލަކީ ތައްމިނަށް ހާމަކޮށް ހުޅުވާލައިގެން، އެންމެނަށް އެނގޭ ގޮތަށް ދައުލަތުގެ ކަންކަން ހިންގުމެވެ. ބައެއް ހާލަތްތަކުގައި ބައެއް ކަންކަން ސިއްރުކުރުމަކީ ހަމައެކަނި އޭގެ އިސްތިސްނާއެވެ. މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު ހަދާފައިވަނީ ޒިއްމާދާރު ސަރުކާރެއް ހިންގުމަށް މަގުފަހި ކުރުމަށެވެ. ރައްޔިތުންގެ ވެރިކަން ރައްޔިތުންނަށް ކޮށްދިނުމުގައި ދައުލަތުގެ މުވައްޒަފުން ޖަވާބުދާރީ ކުރެވޭނެ ނިޒާމެއް ގާއިމުކުރުމަށެވެ. ދައުލަތުގެ ކޮންމެ ކަމެއް އަދި ދައުލަތާބެހޭ ކޮންމެ ކަމެއް ރައްޔިތުންނަށް އޮޅުން ފިލުވެންވާނެއެވެ. އެއްވެސް ވަންހަނާކަމެއް، ފުސްކަމެއް، ކިލަނބު ކަމެއް ނެތި އެވެ.

"ދައުލަތުގެ އިދާރާ" މާނަކުރުން

21. މައުލޫމާތު ހޯދައި ލިބިގަތުމަކީ ގާނޫނުއަސާސީގެ 29 ވަނަ މާއްދާގައި ބަޔާންވެފައިވާ އަސާސީ ހައްގަކަށް ވާތީއާއި، ގާނޫނުއަސާސީގައިވާ ބައެއް އަސާސީ ހައްގުތަށް ބޭނުންކޮށް ތަންފީޒުކުރެވޭނީ މައުލޫމާތު ލިބިގެންކަމަށްވާތީއާއި، ދިވެހި ސަރުކާރު ޖަވާބުދާރީ ކުރެވޭނީ މައުލޫމާތު ލިބުމުގެ އަސާސީ ހައްގު ބޭނުންކުރެވިގެން ކަމަށްވާތީ އާއި، ގާނޫނުއަސާސީގެ މައިގަނޑު އެއް ސިފަކަމުގައިވާ ޑިމޮކްރެޓިކް ވެރިކަން އެގޮތުގައި ހިނގާކަން ކަށަވަރުކުރެވޭނީ މައުލޫމާތު ލިބިގެންކަމަށް ވާތީ އާއި ގައުމު އިގްތިސާދީ ގޮތުން ކުރިއެރުވުމަށާއި، ގާނޫނުއަސާސީގެ 20 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހަމަހަމަކަމާއި ހަމަހަމަ ފުރުސަތު ލިބޭކަން ކަށަވަރުކުރުމަށްޓަކައި ކޮރަޕްޝަންގެ މަދުކުރެވޭނީ މައުލޫމާތު ލިބިގެން ކަމަށްވާތީވެ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 72 ވަނަ މާއްދާގެ (ޅ) ގައިވާ "ދައުލަތުގެ އިދާރާ" މި އިބާރާތް މާނަކުރަންޖެހޭނީ ގާނޫނުއަސާސީގެ 69 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، ގާނޫނުއަސާސީގެ 29 ވަނަ މާއްދާގައިވާ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގަށް އެއްވެސް އުނިކަމެއް ނުލިބޭނެ ގޮތަކަށް، އަދި ވީހާ ތަނަވަސްކޮށް އެ ހައްގު އެންމެންނަށް ލިބޭނެ ގޮތަކަށެވެ.

22. ފުރަތަމައަށް، މި މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަން ޖެހެނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރު ހަދާފައިވާ ގަވާއިދުގެ 67 ވަނަ މާއްދާގެ (ޅ) ގައި "ދައުލަތުގެ އިދާރާ" މާނަކުރުމުގައި ލިޔެފައިވާ އިބާރާތުގެ ތެރޭގައި "ދައުލަތުން އުފައްދާފައިވާ ކުންފުނިތައް" (އެއީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 72 ވަނަ މާއްދާގެ (ޅ) ގައި ބުނާފަދަ ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ ތަނެއް ކަމަށް ބެލިގެން) ހިމެނިދާނެތޯ އާއި، އެހެންކަމަށް މާނަކުރެވޭނަމަ، ބީއެމްއެލް އަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 72 ވަނަ މާއްދާގެ (ޅ) މާނަކުރުމުގައި ހިމަނާފައިވާ ބައިތަކުގެ ތެރެއިން އެތަނެއް ހިންގުމުގައި ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ ކުންފުންޏެއް ކަމަށް މާނަކުރެވިދާނެތޯއެވެ.

23. އިސްތިއުނާފުކުރެވޭ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/109 ގަޒިއްޔާގެ ހުކުމުގައި ހައިކޯޓުން ކުރި ހުކުމުގައި ބީއެމްއެލް އަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 72 ވަނަ މާއްދާގެ (ޅ) މާނަކުރުމުގައި ހިމަނާފައިވާ ބައިތަކުގެ ތެރެއިން އެތަނެއް ހިންގުމުގައި ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ ތަނެއް ކަމަށް ކަނޑައަޅާފައިވަނީ ބީއެމްއެލް އަކީ ބޭންކިންގ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށް ދިނުމަށްޓަކައި ދައުލަތުން އުފައްދާފައިވާ ތަނެއް ކަމަށް ވާތީއާއި، އެ ބޭންކުގައި ދައުލަތުގެ އަޣުލަބިއްޔަތު ހިއްސާ އޮތަތީ އާއި، ބީއެމްއެލްގެ އަސާސީ ގަވާއިދުގެ 5 ވަނަ މާއްދާގައި އެކުންފުނީގެ މައިގަނޑު މަގްސަދުކަމުގައި ދިވެހި ސަރުކާރުން އަންގާ ގޮތެއްގެ މަތިން ސަރުކާރުގެ އެޖެންޓެއްގެ ގޮތުން ލޯނު އަދި ހިލޭ އެހީގެ ކަންތައް ހިންގައި ބެލެހެއްޓުމާއި، ދަނޑުވެރިންނަށާއި، އެކިއެކި މަސައްކަތްތައް ކުރާ ފަރާތްތަކަށާއި، އަތްތެރި މަސައްކަތްކުރާ ފަރާތްތަކަށާއި، މަސްވެރިންނަށާއި، ރަށްފުށުގައި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ކްރެޑިޓާއި އެހެނިހެން ވަސީލަތްތައް ލިބޭނެ ގޮތް ހަމަޖައްސައި ދިނުން ހިމަނާފައިވާތީ ކަމަށެވެ. އެހެންކަމުން، އެ ސަބަބަށްޓަކައި އެ ގަވާއިދުގެ 67 ވަނަ މާއްދާގެ (ޅ) ގައި ދައުލަތުގެ އިދާރާ މާނަކޮށްދީފައިވާ އިބާރާތުގެ ތެރޭގައި "ދައުލަތުން އުފައްދާފައިވާ ކުންފުނިތައް" ހިމަނާފައި އޮތުމަކީ ގާނޫނާ ފުށުއަރާ ކަމެއް ނޫން ކަމަށް ހައިކޯޓުގެ ހުކުމުގައި ކަނޑައަޅާފައި ވެއެވެ.

24. ކުރީގައި އަމަލުކުރަމުންގެންދިޔަ 1996 ގެ ކުންފުންޏާބެހޭ ގާނޫނުގެ ދަށުން ދިވެހިރާއްޖޭގައި އުފައްދާފައިވާ ކުންފުނިތައް ބެހެނީ މައިގަނޑު ތިން ބަޔަކަށެވެ. އެއީ ޕްރައިވެޓް ކުންފުނިތަކާއި އާއްމުކޮށް ހިއްސާ ވިއްކާ ޕަބްލިކް ކުންފުންޏާއި އެ ގާނޫނުގެ 93 ވަނަ މާއްދާގެ ދަށުން އުފައްދާ ސަރުކާރުގެ ކުންފުނިތަކެވެ. މީގެ ތެރެއިން ބައެއް ޕްރައިވެޓް ކުންފުނިތަކާއި ޕަބްލިކް ކުންފުނިތަކަކީ ދައުލަތުން ރައްޔިތުންނަށް އަސާސީ އަދި ލަރޫރީ ޚިދުމަތްތަކެއް ދިނުމަށް އުފައްދާފައިވާ ކުންފުނިތަކެވެ. މިސާލަކަށް، މިހާރު ޕަބްލިކް ކުންފުންޏެއްގެ ގޮތުގައި ހިނގަމުންދާ ސްޓޭޓް ޓްރޭޑިންގް އޮގަނައިޒޭޝަން ޕީއެލްސީ އަކީ 1940 ގެ އަހަރުތަކުގެ ތެރެއިން ފެށިގެން ދައުލަތުގެ މަސްއޫލިއްޔަތެއް ކަމުގައިވާ ކާބޯތަކެތީގެ ރައްކާތެރިކަން ރައްޔިތުންނަށް ކަށަވަރުކޮށް ދިނުމަށް އުފައްދައިގެން ހިންގަމުން އަންނަ ތަނެކެވެ. އެތަނަކީ މިހާރު އާއްމުންނަށް ހިއްސާ ވިއްކާ ޕަބްލިކް ކުންފުންޏެއް ކަމަށްވީ ނަމަވެސް މި އަސާސީ މަސްއޫލިއްޔަތު އެކުންފުނިން އަދިވެސް އަދާކުރެއެވެ. އެމްޓީސީސީ އަކީ 1980 ވަނަ އަހަރުން ފެށިގެން ރައްޔިތުންނަށް ބޭނުންވާ ދަތުރު ފަތުރާއި އިމާރާތް ކުރުމާއި އުމްރާނީ މަޝްރޫއުތައް ހިންގުމާއި މަސްވެރިކަމުގެ ދާއިރާއަށް ބޭނުންވާ މަސްދޯނި ފަހަރު ބަނުމާއި އެ ދޯނިތަކުގައި އިންޖީނު އެޅުމާއި، މަސްދޯނިތަކުގައި އަޅާ އިންޖީނުތައް މަރާމާތު ކުރުމުގެ ޚިދުމަތް ދިނުމަށް އުފައްދާފައިވާ ކުންފުންޏެކެވެ. ބޭންކް އޮފް މޯލްޑިވްސްއަކީ އެކުންފުނި 1982 ގައި އުފެދިގެން އައި އިރު ކޮމާޝަލް ބޭންކަކަށްވުރެ ބޮޑަށް ޑިވެލޮޕްމެންޓް ބޭންކެއްގެ ގޮތުގައި ރައްޔިތުންނަށް އެހީވެ ފަގީރުކަން ނައްތާލުމަށް މަގުފަހިވާނޭ މަސައްކަތްތެރިކަމަށް މާލީ އެހީ ފޯރުކޮށްދިނުމުގެ މަގްސަދުގައި އުފެއްދި ކުންފުންޏެކެވެ. ދިރާގަކީ ދައުލަތުގެ ކަންކަމަށާއި، ރައްޔިތުންނަށް މުއާސަލާތީ ޚިދުމަތްދީ ގައުމުގެ ތަރައްގީގެ ލަނޑުދަނޑިތަކަށް ވާސިލުވުމަށް ސަރުކާރުން އުފެއްދި ކުންފުންޏެކެވެ. އޭގެ ފަހުން އުފެދިފައިވާ ސަރުކާރުގެ 100 އިންސައްތަ ހިއްސާ ހިމެނޭ ގޮތަށް ކަރަންޓާއި ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމަށާއި ބޯހިޔާވަހިކަމުގެ ޚިދުމަތް ދިނުމަށާއި، ދަތުރުފަތުރުގެ ޚިދުމަތް ދިނުމަށް ކުންފުނިތައް އުފައްދާފައިވެއެވެ. މި ކުންފުނިތަކަކީ ދައުލަތުގެ މަސްއޫލިއްޔަތު އަދާކުރުމަށް އުފައްދައިގެން ހިންގާ ކުންފުނިތަކެކެވެ. މީގެ އިތުރުން ދައުލަތުގެ ހިއްސާ ހިމެނޭ ކޮންމެ ކުންފުންޏަކީވެސް ދައުލަތުގެ ކޮންމެވެސް މަސްލަހަތެއް ހިމާޔަތްކުރުމަށް ނުވަތަ މަސްއޫލިއްޔަތެއް އަދާކުރުމަށް އުފައްދާ ކުންފުނިތަކެވެ. މިއީ އެއާ ދުރުވެވެން ނެތް ހަގީގަތެކެވެ.

25. ހަގީގަތަކީ މަތީގައި ބަޔާންކުރި ދިރާގާއި، ބީއެމްއެލްއާއި، އެސްޓީއޯއާއި އެމްޓީސީސީއަކީ ޕަބްލިކް ކުންފުނިތަކެއް ކަމުގައިވީ ނަމަވެސް އެއީ ހިއްސާދާރެއްގެ ހައިސިއްޔަތުން ސަރުކާރުން ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރާ މެންބަރުން މެދުވެރިކޮށް ސީދާކޮށް ނުވަތަ ނުސީދާކޮށް ކޮންޓްރޯލްކުރާ ކުންފުނިތަކެއް ކަމެވެ.

26. މި މައްސަލައިން އެނގިގެންދަނީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 72 ވަނަ މާއްދާގެ (ޅ) ގައިވާ "ދައުލަތުގެ އިދާރާތައް" މާނަކުރުމުގައި އިންޑިއާ ފަދަ ގައުމުތަކުގެ މައުލޫމާތު ހާމަކުރުމާއި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އުފެދިފައިވާ އެންމެ ބޮޑު ބަހުސްތައް ދިވެހިރާއްޖޭގައިވެސް އުފެދިފައިވާ ކަމެވެ. އެގޮތުން ކުންފުނި ތަކާއި ސިޔާސީ ޕާޓީތަކާއި ޖަމްއިއްޔާތަކަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ބޭނުމަށްޓަކައި ދައުލަތުގެ އިދާރާތަކެއްތޯ އެގައުމުތަކުގައި ސުވާލު އުފެދިފައިވެއެވެ. މިއީ އެހެން ގައުމުތަކުގައިވެސް ބަހުސްކުރަމުން ގެންދާ މައުލޫއެކެވެ.

27. ވީމާ އެހެން ބައެއް ގައުމުތަކުގެ ކޯޓުތަކުން ކަނޑައަޅާފައިވާ ފަދައިން އެތަނަކީ ދައުލަތުގެ އިދާރާއެއްކަން ނުވަތަ ނޫންކަން ކަނޑައެޅުމުގެ ޓެސްޓެއްގެ ގޮތުގައި އެތަނެއްގެ މިލްކުވެރިކަން އޮންނަ ފަރާތާއި، ކޮންޓްރޯލްކުރާ ފަރާތާއި މާލީގޮތުން އޮންނަ ގުޅުމާއި، ދައުލަތުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ކުރާކަންކަމަކީ ކޮބައިތޯ ބެލިދާނެއެވެ.

28. މި މައްސަލައިގައި އިސްތިއުނާފުކުރާ ބީއެމްއެލްއަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 72 ވަނަ މާއްދާގެ (ޅ) ގައި ބުނާފަދަ ދައުލަތުގެ އިދާރާ އެއްތޯ ބަލާއިރު، ބީއެމްއެލްއަކީ ދައުލަތުގެ އަޣުލަބިއްޔަތު ހިއްސާ އޮންނަ ކުންފުންޏެކެވެ. ބީއެމްއެލްގެ ރައުސްމާލަށް ދައުލަތުން ޚަރަދުކޮށްފައި ވެއެވެ. ބީއެމްއެލްގެ ކޮންޓްރޯލް އޮތީ ދިވެހި ސަރުކާރަށެވެ. ބީއެމްއެލްގެ ބޯޑުގެ 11 މެންބަރުންގެ ތެރެއިން 7 މެންބަރުންނަކީ ސަރުކާރު ތަމްސީލުކުރަން އައްޔަންކުރާ ފަރާތްތަކެއް ކަމަށްވާތީވެ، ބީއެމްއެލް އަކީ ސީދާ ގޮތުންނާއި ނުސީދާގޮތުން ދައުލަތުން ކޮންޓްރޯލްކުރާ ތަނެކެވެ. އަދި މަތީގައި ބަޔާންކޮށް ތަފްސީލުކޮށްދިން ފަދައިން ބީއެމްއެލްއަކީ ދައުލަތުގެ މަސްއޫލިއްޔަތުތަކެއް އަދާކުރާތަނެއް ކަމަށްވާތީވެ، ބީއެމްއެލްއަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 72 ވަނަ މާއްދާގެ (ޅ) ގައި ބުނާފަދަ ދައުލަތުގެ މަސްއޫލިއްޔަތުތަކެއް އަދާކުރާ ތަނެއް ކަމަށްވުމުން، ބީއެމްއެލް އަކީ ގާނޫނުގެ 72 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ "ދައުލަތުގެ އިދާރާ" އެއް ކަމަށް އިންފޮމޭޝަން ކޮމިޝަނަރު މާނަކޮށް ކަނޑައެޅި ކަނޑައެޅުމަކީ ސައްހަ ކަނޑައެޅުމެކެވެ. އަދި އެ ކަނޑައެޅުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ތާއީދުކޮށްފައި އޮތީ ރަނގަޅަށް ކަމަށްވެސް ދެކެމެވެ.

ގާނޫނުގެ 30 ވަނަ މާއްދާ އާއި މައުލޫމާތު ދޫނުކުރުމުގެ އިޚްތިޔާރު

29. މި މައްސަލައިގައި ދެވަނަ އަށް ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަން ޖެހެނީ، ބީއެމްއެލްއަކީ ދައުލަތުގެ މަސްއޫލިއްޔަތު އަދާކުރާ ތަނެއް ކަމަށްވާތީވެ، ބަދަލު އިސްތިއުނާފީ ނުކުތާއެއްގެ ގޮތުގައި ބީއެމްއެލް އިން ހުށަހަޅާފައިވާ ފަދައިން، އައިމަން ހޯދަން އެދިފައިވާ މައުލޫމާތަކީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 30 ވަނަ މާއްދާގެ ދަށުން ދޫނުކޮށް ހިފެހެއްޓުމުގެ އިޚްތިޔާރު ބީއެމްއެލްއަށް ލިބިފައިވާ މައުލޫމާތުތަކެއް ތޯ ނުވަތަ ނޫންތޯއެވެ.

30. މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 25 ވަނަ މާއްދާ ބުނާ ގޮތުން، އެ މައުލޫމާތުގައި ވިޔަފާރީގެ ސިއްރެއް ހިމެނިފައި، އެ މައުލޫމާތު ހާމަކޮށްފިނަމަ، ފޫނުބެއްދޭފަދަ ގެއްލުމެއް ފޯރާނެ ބާވަތުގެ މަޢުލޫމާތު ދޫނުކުރުމުގެ އިޚްތިޔާރު ދައުލަތުގެ އިދާރާއަށް ލިބެގެންވެއެވެ.

31. އިންޑިއާގެ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ނިންމާފައިވާ ބައެއް ނިންމުންތަކަށް ބަލާއިރު، ކުންފުނިން އެކި ފްލެޓްތަކާއި ފްލޯތަކަށް ދައްކަމުންދާ ކުއްޔަކީ، ކުއްޔަށްދޫކުރާ ފަރާތްތަކާއެކު ނިގޯޝިއޭޓްކުރެވިގެން ވިޔަފާރީގެ އެކި މަސްލަހަތުތަކަށް ރިއާޔަތްކޮށްގެން އެއްބަސްވެ ލިޔުމަށް ތިރިކޮށްފައިވާ ކުލީގެ އަދަދުތަކެއް ކަމަށްވުމާއެކު، އެއްބަސްވުންތަކުގައިވާ ކުލީގެ އަދަދުތައް ހާމަކޮށްފި ނަމަ އެކިއެކި ފަރާތްތަކާއެކު ކުލީގެ އެއްބަސްވުންތައް ނިގޯޝިއޭޓްކުރުމުގައި އެ ކުންފުންޏަށް ލިބިފައި އޮންނަ ބާގެއިން ޕަވަރ ކޮމްޕްރިމައިޒް ވެދާނެތީވެ، ވިޔަފާރީގެ މަސްލަހަތުތައް ހިމެނޭ އެއްބަސްވުންތައް ހާމަކުރަން ނުޖެހޭނެ ކަމަށް ކަނޑައަޅާފައިވެއެވެ. އަދި ބައެއް ކުންފުނިތަކުން ވިއްކާ މުދަލުގެ ސޭލްސް ޕްރައިސްތައް ހިސާބުކޮށްފައިވާ ޝީޓުތައް، އަދި އެވްރެޖް ސޭލްސް ޕްރައިސްފަދަ މައުލޫމާތުތަކަކީ ވިޔަފާރީގެ މަސްލަހަތުތައް ހިމާޔަތްކުރުމަށްޓަކައި، ހާމަކުރަންނުޖެހޭ މައުލޫމާތު ކަމަށާއި، އެއީ ވިޔަފާރީގެ ސިއްރުތައް ކަމަށް ކަނޑައަޅާފައި ވެއެވެ.

32. އަޙްމަދު އައިމަން ލަޠީފް ބީއެމްއެލްއަށް ހުށަހަޅާފައިވަނީ ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންނާއި ހިންގުމުގެ އިސް މުވައްޒަފުންނަށް ދީފައިވާ މުސާރައާއި އިނާޔަތްތަކުގެ ތަފްސީލު ވަކިވަކީން އެނގޭނެހެން ހޯދުމަށާއި، ބޭންކުގައި މަސައްކަތްކުރާ އެންމެހާ މުވައްޒަފުންގެ މަގާމުތަކުގެ ތަފްސީލު (ކޮންމެ މަގާމެއްގައި ތިބި މުވައްޒަފުންގެ އަދަދު އެނގޭނެހެން) ހޯދުމަށެވެ.

33. ބީއެމްއެލް އިން ބުނެފައިވަނީ ބަހުސްގެ ބޭނުމަށް ބީއެމްއެލްއަކީ ދައުލަތުގެ މަސްއޫލިއްޔަތު އަދާކުރާ ތަނެއް ކަމަށްވީ ނަމަވެސް އައިމަން ހޯދަން އެދިފައިވާ މައުލޫމާތަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 30 ވަނަ މާއްދާގެ ދަށުން ދޫނުކޮށް ހިފެހެއްޓުމުގެ އިޚްތިޔާރު ބޭންކަށް ލިބޭނޭ މައުލޫމާތު ކަމަށެވެ. ސަބަބަކީ އެ މައުލޫމާތަކީ އެ މައުލޫމާތު ދޫކޮށްފިނަމަ، ފޫނުބެދޭނެ ފަދަ ގެއްލުމެއް ބޭންކުގެ ވިޔަފާރިއަށް ވެދާނެ މައުލޫމާތެއް ކަމަށާއި، އެހެނީ އެ މައުލޫމާތު ހާމަކޮށްފިނަމަ، ބޭންކުގެ ވިޔަފާރީގެ މަސްލަހަތަށް ނުވަތަ މާލީ މަސްލަހަތަށް ފޫނުބެދޭނެ ގެއްލުމެއް ވެދާނެ ކަމަށެވެ. މި ނުކުތާ ފުޅާކުރަމުން ބީއެމްއެލް އިން ބުނެފައިވަނީ، ބީއެމްއެލްއަކީ ރާއްޖޭގައި ކޮމާޝަލް ބޭންކިންގ ގެ ޚިދުމަތްދޭ އެންމެ ބޮޑު ބޭންކަށްވާއިރު، އައިމަން ހޯދަން އެދިފައިވާ މައުލޫމާތަކީ ބޭންކުގެ ވިޔަފާރީގެ ސިއްރުކަމަށްވުމުން، އެ މައުލޫމާތު އެފަރާތަށް ދޫކޮށްފިނަމަ، ފޫނުބެދޭ ވަރުގެ ގެއްލުމެއް ބޭންކަށް ވެދާނެކަމަށެވެ. އެ މައުލޫމާތު ހާމަކޮށްފިނަމަ، ބޭންކުގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް އެހެން ބޭންކުތަކަށް އެނގުމުގެ ފުރުސަތު އޮންނާނެ ކަމަށާއި، ބޮޑެތި ކުންފުނިތަކުގެ ހިންގުމުގެ އިސް މުވައްޒަފުންނާއި ވަކި ގިންތިތަކެއްގެ ޚާއްސަ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަކީ "ޓްރޭޑް ސީކްރެޓްސް" ކަމަށާއި، އެ މައުލޫމާތު ހާމަވެއްޖެނަމަ، ބޭންކުގެ ވާދަވެރިން އޭގެ ނާޖާއިޒު ފައިދާ ނަގައި ހަދާތީވެ އެއީ "ޓްރޭޑް ސީކްރެޓްސް"ގެ ތެރޭގައި ހިމެނޭ މައުލޫމާތު ކަމަށެވެ. އަދި ބޭންކިންގ ވިޔަފާރިއަކީ ބޭންކުގެ ވަކި ބައިތަކެއްގައި މަސައްކަތްކުރާނޭ ގާބިލު، ތައުލީމީ އަދި ތަޖުރިބާހުރި ދިވެހި މުވައްޒަފުން ހޯދުމުގައި ވަރަށް ވާދަވެރި ވިޔަފާރިއެއް ކަމަށެވެ. އެހެންކަމުން އެފަދަ ގާބިލު މުވައްޒަފުން ހޯދުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށާއި، އެއް ބޭންކުން އަނެއް ބޭންކަށް މުވައްޒަފުން ގެންދަން އޮންނަ އެންމެ ފަހިގޮތަކީ އެ ބޭންކުން ދޭ މުސާރައާއި އިނާޔަތްތަކުގެ މިންވަރު އެނގުން ކަމަށެވެ. މިކަން މިގޮތަށް މެދުވެރިވެއްޖެ ނަމަ ބޭންކުގެ މަސްލަހަތަށް އިއާދަނުކުރެވޭނެ ގެއްލުން ލިބިދާނެ ކަމަށެވެ. އެހެނީ ގިނަ މުވައްޒަފުންނަކީ ބޭންކުން ޚަރަދުކޮށްގެން ރާއްޖެއިން ބޭރުން ތަމްރީންކޮށްފައިވާ މުވައްޒަފުންކަމަށްވާއިރު، ބޭންކުގެ ވާދަވެރިން އެ މުވައްޒަފުން ބޮޑު މުސާރަ ދީގެން ގެންދިއުމަކީ ވަރަށް ބޭއިންސާފު ކަމަކަށްވެ، އެ މުވައްޒަފުންގެ ފުށުން ބީއެމްއެލްގެ ވިޔަފާރީގެ ސިއްރުތައް ފާޅުވެ، ވާދަވެރިންނަށް ނޭދެވޭ ފައިދާއެއް ލިބޭނެ ކަމަށެވެ. އަދި ބޭންކުގެ ވިޔަފާރީގެ ސަލާމަތީކަންކަމަށް ލޮޅުން އެރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމެކެވެ.

34. ބީއެމްއެލްގެ ވާހަކައިން އައިމަން ހޯދަން އެދިފައިވާ މައުލޫމާތަކީ ބީއެމްއެލްގެ ވިޔަފާރި ސިއްރުކަމަށް ގަބޫލުކުރެވެއެވެ. އަދި އެ މައުލޫމާތު ދޫކޮށްފިނަމަ، ބީއެމްއެލްގެ ވިޔަފާރީގެ ވާދަވެރިންނަށް އެ މައުލޫމާތު ނެގުމުގެ ފުރުސަތު އެބައޮތެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން ބީއެމްއެލްގެ ވިޔަފާރިއަށް ގެއްލުން ފޯރުމަކީ ވުން އެކަށީގެންވާ ކަމެކެވެ.

35. ހޯދަން އެދިފައިވާ މައުލޫމާތަކީ އިސްތިސްނާ ހާލަތްތަކަށް ފެތޭ މައުލޫމާތުކަމަށް ބުނެ އެ މައުލޫމާތު ދޫކުރަން މައުލޫމާތު ބަލަހައްޓާ ފަރާތުން އިއުތިރާޒުކޮށްފިނަމަ، ހޯދަން އެދިފައިވާ މައުލޫމާތަކީ އިސްތިސްނާ ހާލަތުތަކަށް ފެތޭ ބާވަތުގެ މައުލޫމާތުތޯ ނުވަތަ ނޫންތޯ ކޮންމެ މައްސަލައެއްގައިމެ ވަޒަން ކުރަންވާނެއެވެ.

ހޯދަން އެދިފައިވާ މައުލޫމާތަކީ ފަރުދުންގެ ޒާތީ މައުލޫމާތުތޯ

36. ގާނޫނުއަސާސީގެ 24 ވަނަ މާއްދާގައި ބުނެފައިވަނީ ކޮންމެ މީހެއްގެ ޒާތީ އަދި ޢާއިލީ ދިރިއުޅުމާއި، ގޮވަތި ގެދޮރާއި، އަނެކުންނާ ކުރާ ޒާތީ މުއާޞަލާތުތަކަކީ ޙުރުމަތްތެރިވެގެންވާ ކަންކަމާއި ތަންތަން ކަމަށެވެ. އަދި ހަމަ ކޮންމެ މީހަކުމެ، އަނެކުންގެ މި ބުނެވުނު ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތާންވާނެ ކަމަށް އެ މާއްދާގައި ބުނެފައި ވެއެވެ.

37. މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ ދައުލަތުގެ އިދާރާއަކުން ދޫކުރަން ޖެހޭ މަޢުލޫމާތަކީ، ތިންވަނަ މީހެއްގެ ޒާތީ މަޢުލޫމާތު ކަމުގައިވާނަމަ، އެ މަޢުލޫމާތެއް އެ ތިންވަނަ ފަރާތުގެ ރުހުމާއެކުގައި މެނުވީ ދައުލަތުގެ އެ އިދާރާއެއްގެ އިންފޮމޭޝަން އޮފިސަރު ދޫކޮށްގެންނުވާނެ ކަމަށެވެ. އެ މާއްދާގެ (ށ) ގައި ބުނެފައިވަނީ އެ މާއްދާގެ (ހ) އެހެން އޮތް ނަމަވެސް، އެފަދަ ތިންވަނަ މީހެއްގެ ޒާތީ މަޢުލޫމާތު ދޫކުރުމަކީ، ޢާންމު މަޞްލަޙަތު ދެމެހެއްޓުމަށް މުހިންމު ކަމެއް ކަމުގައި ފެނިއްޖެނަމަ، އެ ތިންވަނަ ފަރާތުގެ ރުހުމާ ނުލައި، އެކަމަކު، އެ ޤާނޫނުގެ ދަށުން ދައުލަތުގެ އެ އިދާރާއެއްގައި އެކުލަވާލާ މުރާޖަޢާ ކޮމިޓީގެ ހުއްދައާއެކު އެ މަޢުލޫމާތެއް އެ ސަބަބަށްޓަކައި އެ ނިސްބަތަށް ދޫކުރެވިދާނެ ކަމަށެވެ.

38. އިންޑިއާގެ ސުޕްރީމް ކޯޓުން 2017 ގައި ނިންމާފައިވާ ކެނާރާ ބޭންކް ވ. ސީ.އެސް ޝިޔާމް3 ގަޒިއްޔާގައި އިސްތިއުނާފު ރައްދުވާ ޝިޔާމްގެ ފަރާތުން ކެރަލާގައި ހުންނަ ކެނާރާ ބޭންކުން ހޯދަން އެދިފައިވަނީ އެބޭންކުގެ ހުރިހާ ބްރާންޗްތަކުގެ ހުރިހާ އިދާރީ މުވައްޒަފުންގެ ވަޒީފާ ބަދަލުކޮށް އައްޔަންކުރި ގޮތުގެ ތަފްސީލީ މައުލޫމާތެވެ. އެ ބޭންކަކީ މި މައްސަލައާ ގުޅޭ ކަންކަން ހިނގިއިރު ނެޝަނަލައިޒްކުރެވިފައިވާ ބޭންކެކެވެ. ސެންޓްރަލް އިންފޮމޭޝަން ކޮމިޝަނުން އަމުރުކުރީ އެ މައުލޫމާތަކީ ދޫކުރެވޭނެ މައުލޫމާތެއް ނޫންކަމަށެވެ. ނަމަވެސް އެ ނިންމުން އިސްތިއުނާފު ރައްދުވާ ފަރާތުން ދަށު ކޯޓުގައި އިސްތިއުނާފުކުރުމުން އިސްތިއުނާފް ރައްދުވާ ފަރާތުން ހޯދަން އެދިފައިވާ މައުލޫމާތު ދޫކުރުމަށް އަމުރުކުރިއެވެ. ކެރަލާ ހައިކޯޓުން އެ މައްސަލައިގެ އިސްތިއުނާފުގައި ދަށު ކޯޓުގެ ނިންމުމަށް ތާއީދުކުރިއެވެ. ކެރަލާ ހައިކޯޓުގެ ހުކުމް ބޭންކުގެ ފަރާތުން އިންޑިއާގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން، އިންޑިއާގެ ސުޕްރީމް ކޯޓުން ދަށު ކޯޓުގެ އަމުރާއި ކެރަލާ ހައިކޯޓުގެ ހުކުމް ބާތިލުކުރުމަށްފަހު ނިންމާފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތުން ހޯދަން އެދިފައިވާ މައުލޫމާތަކީ ދޫކުރެވޭނެ މައުލޫމާތެއް ނޫން ކަމަށެވެ. އިންޑިއާގެ ސުޕްރީމް ކޯޓުން ނިންމި ނިންމުން އެގޮތަށް ނިންމާފައިވާ ސަބަބު ކަމުގައި ބުނެފައިވަނީ މުވައްޒަފުންގެ މައުލޫމާތަކީ ތިންވަނަ ފަރާތެއްގެ ޒާތީ މައުލޫމާތު ކަމުގައިވާތީވެ، އެ މައުލޫމާތަކީ އެފަރާތްތަކުގެ ރުހުން ނެތި ދޫކުރެވޭނެ މައުލޫމާތަކަށް ނުވާތީ ކަމަށެވެ. އަދި އެ މައުލޫމާތަކީ އެއްވެސް ގޮތަކަށް ޕަބްލިކް އިންޓެރެސްޓެއް އޮތް މައުލޫމާތެއް ކަމަށް ނުވާތީވެ، މިފަދަ ޒާތީ މައުލޫމާތެއް ދޫކުރުމަށް ތަބުރީރު ކުރެވޭ ފުޅާ އާންމު މަސްލަހަތެއް ނެތުމުން، މުވައްޒަފުންނާބެހޭ ތަފްސީލު ހޯދުމުގެ ހައްގު އޮތްކަމަށް އިސްތިއުނާފު ރައްދުވާ ފަރާތަށް ދައުވާ ނުކުރެވޭނެތީއެވެ.

39. ހަވާލާ ދިން އިންޑިއާގެ ސުޕްރީމް ކޯޓުގެ ހުކުމުގައިވާ ގޮތަށް މި މައްސަލައިގައި އައިމަން ގެ ފަރާތުން ބީއެމްއެލް އިން ހޯދަން އެދިފައިވާ މައުލޫމާތަކީ ތިންވަނަ ފަރާތްތަކެއްގެ ޒާތީ މައުލޫމާތު ކަމަށްވާތީވެ، އެ މައުލޫމާތަކީ އެފަރާތްތަކުގެ ރުހުން ނެތި ދޫކުރެވޭނެ މައުލޫމާތެއް ނޫނެވެ. އަދި އެ މައުލޫމާތަކީ އެ ތިންވަނަ ފަރާތްތަކުގެ ރުހުން ނެތް ނަމަވެސް އެ މައުލޫމާތު ދޫކުރަންޖެހޭ ފުޅާ އާއްމު މަސްލަހަތެއް އޮތް މައުލޫމާތުތަކެއް ވެސް ނޫނެވެ.

ނިންމަން ފެންނަ ގޮތް

40. މަތީގައި ފާހަގަކުރި ސަބަބުތައް އެހެން ހުރުމުން:

(ހ) ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/109 ގަޒިއްޔާގެ ހުކުމުގައި ބޭންކް އޮފް މޯލްޑިވްސްއަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 72 ވަނަ މާއްދާގެ (ޅ) ގައިވާ "ދައުލަތުގެ އިދާރާ" އެއްކަމަށް ނިންމާފައިވާ ނިންމުމަށް ތާއީދުކުރަން ފެނެއެވެ.

(ށ) އައިމަން، ބޭންކް އޮފް މޯލްޑިވްސް އިން ހޯދަން އެދިފައިވާ މައުލޫމާތަކީ ވިޔަފާރި ސިއްރުކަމަށްވާތީއާއި، އެ މައުލޫމާތަކީ ތިން ވަނަ ފަރާތްތަކެއްގެ ޒާތީ މައުލޫމާތު ހިމެނޭ މައުލޫމާތު ކަމަށްވާތީވެ، އެ މައުލޫމާތަކީ ދޫކުރަންޖެހޭ މައުލޫމާތެއް ނޫންކަމަށް ކަނޑައަޅަން ފެނެއެވެ.

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު

41. މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު

42. މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

މި ގަޒިއްޔާ ބަލައި ޙުކުމް ކުރީ:

ޢަލީ ރަޝީދު ޙުސައިން ޙުސްނުއްސުޢޫދު މުޙައްމަދު އިބްރާހީމް (ރިޔާސަތު) ދެން ފަހެ، މަތީގައި ބަޔާންކުރި ސަބަބުތައް އެހެން ހުރުމުން:

(ހ) ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/109 ގަޒިއްޔާގެ ހުކުމުގައި ބޭންކް އޮފް މޯލްޑިވްސްއަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 72 ވަނަ މާއްދާގެ (ޅ) ގައިވާ "ދައުލަތުގެ އިދާރާ" އެއްކަމަށް ނިންމާފައިވާ ނިންމުމަށް މި މައްސަލަ ސުޕްރީމް ކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާގުން ތާއީދުކުރަމެވެ.

(ށ) ބީއެމްއެލްއަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 72 ވަނަ މާއްދާގެ (ޅ) ގައި ބުނާފަދަ ދައުލަތުގެ މަސްއޫލިއްޔަތުތަކެއް އަދާކުރާ ތަނެއް ކަމަށްވުމުން، ބީއެމްއެލް އަކީ އެ ގާނޫނުގެ 72 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ "ދައުލަތުގެ އިދާރާ" އެއް ކަމަށް މި މައްސަލަ ސުޕްރީމް ކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައިފީމެވެ.

(ނ) އަޙްމަދު އައިމަން ލަޠީފް ހޯދަން އެދިފައިވާ މައުލޫމާތަކީ ވިޔަފާރި ސިއްރު ކަމަށްވާތީއާއި އެ މައުލޫމާތަކީ ތިންވަނަ ފަރާތެއްގެ ޒާތީ މައުލޫމާތު ހިމެނޭ މައުލޫމާތުތަކެއް ކަމަށްވުމުން، އެ މައުލޫމާތަކީ ދޫނުކުރެވޭނެ މައުލޫމާތެއް ކަމަށް މި މައްސަލަ ސުޕްރީމް ކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައިފީމެވެ.

1 ގާނޫނު ނަންބަރު 2014/1

2 ނިންމުމުގެ ނަންބަރު CM-33/2020

3 އިންޑިއާގެ ސުޕްރީމް ކޯޓުގެ 2009 ގެ ސިވިލް އެޕީލް ނަންބަރު 22، ނިންމާފައިވަނީ 31 އޮގަސްޓް 2017 ގައި.

2019/SC-A/300 [2021] SC 778

2023/SC-A/12 [2024] SC 41

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ