ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2024] SC 46 · 2022/SC-A/70ސުޕްރީމް ކޯޓު · 19 ސެޕްޓެމްބަރު 2024

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މޫސާ މުންތަސިމް

ސުޕްރީމް ކޯޓު
1 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 19 ސެޕްޓެމްބަރު 2024ބާވަތް: ޖިނާއީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު [2024] SC 46 2022/SC-A/70 ޝަރީޢަތް ނިމުނުގޮތް ޕްރޮސިކިއުޓަރ ޖެނެރަލް ވ. މޫސާ މުންތަސިމް ފަނޑިޔާރުންގެ މަޖިލިސް ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ފަނޑިޔާރު ޙުސްނުއް ސުޢޫދު ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ނިމުނު ތާރީޚު 19 ސެޕްޓެމްބަރ 2024

އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ 2019/HC-A/618 އިސްތިއުނާފު ރައްދުވާ ފަރާތް އިސްތިއުނާފުކުރާ ފަރާތް މޫސާ މުންތަސިމް، ސައުތުކްރޯސް ޕްރޮސިކިއުޓަރ ޖެނެރަލް ޤާނޫނީ ވަކީލު: ޤާނޫނީ ވަކީލު: ޖަޢުފަރު ރަޝީދު، މޯލްޑިވިއަން ލޯ ފާރމް ޕަބްލިކް ޕްރޮސިކިއުޓަރ ޢަލީ އަޙްމަދު

ޕަބްލިކް ޕްރޮސިކިއުޓަރ ފާޠިމަތު މީޝާ

ޤާނޫނު ނަންބަރު 12/2013 (މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނު) ގެ 13 އަދި 17 ވަނަ މާއްދާ، ދަޢުވާ ސާފުކޮށް ބަޔާންކޮށްދޭންޖެހޭކަން، ދިފާޢުވުމުގެ ޙައްޤު

ފިހުރިސްތު

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު 1

ތަޢާރުފު 1

މައްސަލައިގެ ފަސްފަހަތް 2

ކްރިމިނަލް ކޯޓުން މައްސަލަ ނިންމި ގޮތް 3

ހައިކޯޓުން މައްސަލަ ނިންމިގޮތް 4

ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި ނުކުތާ 6

ކްރިމިނަލް ކޯޓުގައި ހުށަހެޅުނު ދަޢުވާ 6

ވަކި ގޮތަކަށް ޢަމަލުތައް ހުރިނަމަ އެއީ ކުށެއްކަމަށް ކަނޑައަޅާ މާއްދާއާ ޙަވާލާ ދިނުން 7

ޤާނޫނުއަސާސީ 9

މޫސާ މުންތަސިމްގެ މައްޗަށް އުފުލުނު ޓްރެފިކް ކުރުމުގެ ދަޢުވާއާ ގުޅޭ ގޮތުން ކްރިމިނަލް ކޯޓުން ޙުކުމްކުރީ ޤާނޫނާ ޚިލާފަށްތޯ 11

ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު 17

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު 18

ޙުކުމް 18

` ޕްރޮސިކިއުޓަރ ޖެނެރަލް ވ. މޫސާ މުންތަސިމް [2024] SC 46 ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު (ފަނޑިޔާރު ޙުސްނުއްސުޢޫދު އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި)

ތަޢާރުފު

1. ސ. ހިތަދޫ، ސައުތުކްރޯސް، މޫސާ މުންތަސިމްގެ މައްޗަށް މީހުން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ ޕްރޮސިކިއުޓަރ ޖެނެރަލް (މީގެ ފަހުން "ޕްރޮސިކިއުޓަރ ޖެނެރަލް" ނުވަތަ "ދައުލަތް") ގެ ފަރާތުން ކްރިމިނަލް ކޯޓުގެ ނަންބަރު 538/Cr-C/2017 ގަޒިއްޔާގައި އުފުލިއެވެ. އެ ގަޒިއްޔާގައި ނިންމީ މި ކުށް މޫސާ މުންތަސިމްގެ މައްޗަށް ސާބިތުނުވާކަމަށެވެ. ކްރިމިނަލް ކޯޓުގެ ނަންބަރު 538/Cr-C/2017 ގަޒިއްޔާ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން ހައިކޯޓުގެ ނަންބަރު 2019/HC-A/618 ގަޒިއްޔާއިން ކްރިމިނަލް ކޯޓުގެ ޙުކުމަށް ތާއީދުކުރިއެވެ.

2. މިއީ ބުނެވުނު ހައިކޯޓުގެ ނަންބަރު 2019/HC-A/618 ގަޒިއްޔާ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން ސުޕްރީމް ކޯޓުން އެ މައްސަލައާމެދު ނިންމިގޮތެވެ.

މައްސަލައިގެ ހާދިސާ

3. 17 ޑިސެންބަރު 2016 ގެ ދަންވަރުގެ ވަގުތެއްގައި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހ. އާދުނިގޭގައި ހުރި "ވަން އެންޑް އޯލް ގެސްޓްހައުސް" ބަލައި ފާސްކުރިއެވެ. ބުނެވުނު ގެސްޓްހައުސްގެ 4 ވަނަ ފަންގިފިލާގެ ރޫމް ނަންބަރު 405 ގެ ދޮރު ވައްޓާލައި ފުލުހުން އެތަނަށް ވަންއިރު ބިދޭސީ އަންހެނަކާއި ބިދޭސީ ފިރިހެނަކު ހުއްޓެވެ. އަދި ރޫމް ނަންބަރު 406 ގައި ބިދޭސީ އަންހެންމީހާގެ ލަގެޖުގެ އިތުރުން އެ ކޮޓަރީގައި ހުރި ފްރިޖެއްގެ ދަށުން ސާދަހާސް ހަތްސަތޭކަ ދިހަ ރުފިޔާ ފެނިފައިވެއެވެ.1

4. ފުލުހުންގެ ތަހުޤީޤަށް ފަހުން އެނގުނު ގޮތުގައި އަންހެން މީހާއަކީ ކެންޔާގެ ރައްޔިތެއް ކަމަށްވާ (ނަން އުނިކުރެވިފައި، މީގެ ފަހުން "ޓްރެފިކް ކުރެވުނުކަމަށް ބުނާ މީހާ") އެވެ. ޓްރެފިކް ކުރެވުނުކަމަށް ބުނާ މީހާ ދިރިއުޅެމުން ގެންދިޔައީ ރޫމް ނަންބަރު 406 ގައި ކަމުގައިވާއިރު، މީނާ ލައްވައި ހަށިވިއްކުމުގެ މަސައްކަތް ކުރުވާފައިވަނީ ރޫމް ނަންބަރު 405 ގައެވެ. އަދި ޓްރެފިކް ކުރެވުނުކަމަށް ބުނާ މީހާ ދީފައިވާ ބަޔާނުގައި އޭނާ ލައްވައި ހަށިވިއްކުމުގެ މަސައްކަތް ކުރުވާފައިވަނީ މޫސާ މުންތަސިމްކަމަށް ބުނެފައިވެއެވެ.

މައްސަލައިގެ ފަސްފަހަތް

5. ކްރިމިނަލް ކޯޓުގައި މޫސާ މުންތަސިމްގެ މައްޗަށް ދައުލަތުން ދެ ދަޢުވާއެއް ކުރިއެވެ. އެއީ ކްރިމިނަލް ކޯޓުގެ ނަންބަރު 538/Cr-C/2017 ގަޒިއްޔާއިން މޫސާ މުންތަސިމްގެ މައްޗަށް މީހުން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާއާއި އެ ކޯޓުގެ ނަންބަރު 539/Cr-C/2017 ގަޒިއްޔާއިން މީހަކު ލައްވައި ހަށިވިއްކުވުމުގެ ދަޢުވާއެވެ.

6. ދެ މައްސަލައަކީވެސް އެއް ހާދިސާއަކާ ގުޅޭ ދެ މައްސަލަކަމުން، އަދި ހެކިންނަކީވެސް އެއް ބައެއް ކަމުން، ދެ މައްސަލަވެސް ކްރިމިނަލް ކޯޓުން ހިންގާފައިވަނީ އެކުއެކީގައެވެ. އަދި ހެކިންގެ ހެކިބަސްވެސް ނަގާފައިވަނީ އެކުއެކީގައެވެ.

7. ޖިންސީ ކުށުގެ ޤާނޫނުގެ2 29 ވަނަ މާއްދާގެ (ށ) ގެ ދަށުން ޓްރެފިކް ކުރެވުނުކަމަށް ބުނާ މީހާ ލައްވައި ހަށިވިއްކުވުމުގެ ކުށް މޫސާ މުންތަސިމްގެ މައްޗަށް ސާބިތުވިއެވެ. އަދި އެ ކުށުގެ ޢުޤޫބާތެއްގެ ގޮތުގައި މޫސާ މުންތަސިމް 7 (ހަތެއް) އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށްލުމަށް ޙުކުމްކުރިއެވެ. މި ނިންމުން މޫސާ މުންތަސިމްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުގެ ނަންބަރު 2020/HC-A/44 ގަޒިއްޔާގައި ކްރިމިނަލް ކޯޓުގެ ނިންމުމަށް ތާއީދުކޮށްފައިވެއެވެ. މި ނިންމުން މޫސާ މުންތަސިމްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައި ނެތުމުން މިއީ މިހާރު ނިހާއީވެފައިވާ ޙުކުމެކެވެ.

8. އެހެންނަމަވެސް މީހުން ޓްރެފިކް ކުރުމުގެ ކުށް މޫސާ މުންތަސިމްގެ މައްޗަށް ކްރިމިނަލް ކޯޓުގެ ނަންބަރު 538/Cr-C/2017 ގަޒިއްޔާއިން ސާބިތެއްނުވެއެވެ.

ކްރިމިނަލް ކޯޓުން މައްސަލަ ނިންމި ގޮތް

9. ކްރިމިނަލް ކޯޓުގެ ނަންބަރު 538/Cr-C/2017 ގަޒިއްޔާގައި މީހުން ޓްރެފިކް ކުރުމުގެ ކުށް މޫސާ މުންތަސިމްގެ މައްޗަށް ސާބިތުނުވާކަމަށް ކަނޑައަޅާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބުރަވެހުރެއެވެ.

9.1 ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަހަށް ބަލާއިރު، ޓްރެފިކް ކުރެވުނުކަމަށް ބުނާ މީހާ ރާއްޖެ ގެނެސް މޫސާ މުންތަސިމް އޭނާ ލައްވައި ހަށިވިއްކުމުގެ ޢަމަލު ހިންގާފައިވާކަން އެނގެން އޮތްނަމަވެސް، ޓްރެފިކް ކުރެވުނުކަމަށް ބުނާ މީހާ ރާއްޖެ އައީ އޭނާގެ ރުހުމުގައިކަން އެނގެން އޮންނާތީ އާއި، ޓްރެފިކް ކުރެވުނުކަމަށް ބުނާ މީހާ ލައްވައި ހަށިވިއްކުމުގެ ޢަމަލު އޭނާގެ ނުރުހުމުގައި ހިންގާފައިވާކަން ހެކިންގެ ހެކިބަހުން އެނގެން ނެތަތީ، މިއީ މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނުގައި3 މީހުން ޓްރެފިކްކުރުން ކަމުގައި ބުނެފައިވާ މާނައިގެ ތެރޭގައި ހިމެނޭ ޢަމަލެއް ނޫންކަން އެނގެން އޮތުން؛

9.2 މޫސާ މުންތަސިމްގެ މައްޗަށް ދައުލަތުން ކޮށްފައިވާ މީހުން ޓްރެފިކްކުރުމުގެ ކުށުގެ ޢަމަލު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ މިންވަރަށް ސާބިތުކޮށްދެވިފައި ނުވާކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވެއެވެ.

ހައިކޯޓުން މައްސަލަ ނިންމިގޮތް

10. ކްރިމިނަލް ކޯޓުގެ ނަންބަރު538/Cr-C/2017 ގަޒިއްޔާ ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. ހައިކޯޓުގައި ދައުލަތުގެ ފަރާތުން ހުށަހެޅި ނުކުތާއަކީ މޫސާ މުންތަސިމްގެ މައްޗަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގައި ބަޔާންކުރާ އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ކުށް ސާބިތުނުވާކަމަށް ކަނޑައަޅާފައިވަނީ މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 13 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ (i) އާ ޚިލާފަށްކަމަށެވެ. ހައިކޯޓުގެ ނަންބަރު 2019/HC-A/618 ގަޒިއްޔާގައި ކްރިމިނަލް ކޯޓުގެ ޙުކުމަށް ތާއީދުކޮށް މައްސަލަ ނިންމާފައިވެއެވެ. ހައިކޯޓުން މި ނިންމުމަށް ވާސިލުވީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބުރަވެއެވެ.

10.1 މި މައްސަލައިގައި ދައުލަތުން މޫސާ މުންތަސިމްގެ މައްޗަށް ހުށަހަޅާފައިވަނީ މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 17 ވަނަ މާއްދާއާއި 21 ވަނަ މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރާ ޙަވާލާދީ އެ ޤާނޫނުގެ 21 ވަނަ މާއްދާގެ (ހ) ގެ ދަށުން މީހުން ޓްރެފިކްކުރުމުގެ ދަޢުވާކަމަށާއި، ކްރިމިނަލް ކޯޓުގައި ދައުލަތުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު ދަޢުވާ ބިނާކޮށްފައިވަނީ ޤާނޫނުގައި ބުނާ ޓްރެފިކްކުރުމުގެ ކޮން ޢަމަލަކަށްކަން ޤާނޫނުގެ އެ މާއްދާއާ ގުޅުވައި ބަޔާންކޮށްފައި ނުވާކަމަށާއި، ދަށު ކޯޓުގެ ނިންމުން ޚިލާފުވިކަމަށް ދައުލަތުން ހައިކޯޓުގައި ފާހަގަކުރާ މާއްދާއަކީ ދަށުކޯޓުގައި ދައުލަތުން ހަވާލާދީފައިވާ މާއްދާއެއް ނޫންކަން؛

10.2 މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 17 ވަނަ މާއްދާއަށް ބަލާއިރު، އެ މާއްދާގެ ބޭނުމަށް އެ ޤާނޫނުގެ 12 ވަނަ މާއްދާއާއި 13 ވަނަ މާއްދާ އަދި 14 ވަނަ މާއްދާގައި ބަޔާންކުރާ ޢަމަލުތައް ހިމެނޭނެކަމަށް ބަޔާންކޮށްފައި ވީނަމަވެސް މީގެ ތެރެއިން މޫސާ މުންތަސިމް ކުޅަ ޢަމަލު ނިސްބަތްވަނީ އެ މާއްދާތަކުގެ ތެރެއިން ކޮން މާއްދާއެއްގައި ބަޔާންކުރާ ކޮން ޢަމަލަކަށްކަމެއް ދައުލަތުން ދަށުކޯޓުގައި ބުނެފައިނުވާކަން؛

10.3 ވަކިކަމެއް ވަކިގޮތަކަށް ކުރުމަކީ، މީހަކު ކުށެއް ކުރީކަމުގައި ބެލެވޭނެ ޙާލަތެއްކަމުގައި ޤަބޫލުކުރެވޭނެ ކަމަށް ކުށް ކަނޑައަޅާ ޤާނޫނެއްގައި ބަޔާންކޮށްފައިވާނަމަ، އެ މާއްދާގައި ބަޔާންކުރާ ކަންކަން ފުރިހަމަވާ ޙާލަތުގައި އެ މީހެއްގެ މައްޗަށް ދަޢުވާ އުފުލަންޖެހޭނީ އެ ޤާނޫނީ އިފްތިރާޟުގައި ބަޔާންކުރާ މާއްދާއަށް ހަވާލާދީ، އެ އިފްތިރާޟުގައި ހަވާލާދޭ ކުށް ކަނޑައެޅޭ މާއްދާގެ ދަށުންކަން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ4 82 ވަނަ މާއްދާގެ (ނ) ގައި އޮންނަކަން؛

10.4 ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ނުކުތާގައިވާ މާއްދާއަކީ ދަށު ކޯޓުގައި ހަވާލާދީ ވާހަކަ ދައްކާފައިވާ މާއްދާއެއް ކަމަށް ނުވާއިރު، އެ މާއްދާގެ ދަށުން ކުށް ސާބިތުވޭތޯ ނުވަތަ ނޫންތޯ ދަށުކޯޓުގެ ފަނޑިޔާރަށް ކަނޑައެޅޭނެ ހަމައެއް ނުއޮންނާނެ ކަމާއި، އަދި މި ނުކުތާ ހައިކޯޓުން ބަލައިގަނެ މިނުކުތާގެ މައްޗަށް ބިނާކޮށް ކްރިމިނަލް ކޯޓުގެ ނިންމުން ރަނގަޅު ނޫންކަމަށް ކަނޑައެޅިދާނެކަމަށް ޤަބޫލު ނުކުރެވޭކަމަށް ހައިކޯޓުން ނިންމާފައިވެއެވެ.

ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި ނުކުތާ

11. ހައިކޯޓުގެ ނަންބަރު 2019/HC-A/618 ގަޒިއްޔާ ނިންމާފައިވަނީ ޤާނޫނީ އުސޫލުތަކާ އެއްގޮތަށް ނޫންކަމަށް ބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އެ ގަޒިއްޔާ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަމުން ހުށަހަޅާފައިވާ ނުކުތާއަކީ، ހައިކޯޓުގެ އެ ގަޒިއްޔާއަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ5 212 ވަނަ މާއްދާއަށް ރިޢާޔަތްނުކޮށް، އަދި މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 17 ވަނަ މާއްދާއަށާއި 21 ވަނަ މާއްދާއަށް ފުރިހަމައަށް ރިޢާޔަތްނުކޮށް އެ މާއްދާތަކާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

ކްރިމިނަލް ކޯޓުގައި ހުށަހެޅުނު ދަޢުވާ

12. ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ކްރިމިނަލް ކޯޓުގައި މޫސާ މުންތަސިމްގެ މައްޗަށް ކުރި ދަޢުވާއަކީ މޫސާ މުންތަސިމް 2016 ވަނަ އަހަރު ޑިސެންބަރު މަހުގެ ތެރޭގައި ޓްރެފިކް ކުރެވުނުކަމަށް ބުނާ މީހާއަށް އޮޅުވާލައިގެން، މީނާއަކީ ދިވެހިރާއްޖެއާއި މެލޭޝިއާގައި ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ މީހެއްކަމަށް ބުނެ، ޓްރެފިކް ކުރެވުނުކަމަށް ބުނާ މީހާއަށް ދަޢުވަތު ދީގެން ދިވެހިރާއްޖެއަށް ގެނެސް، ޓްރެފިކް ކުރެވުނުކަމަށް ބުނާ މީހާގެ ޕާސްޕޯޓު އޭނާގެ އަތުން ހޯދުމަށްފަހު އަނބުރާ ރައްދުނުކޮށް، ޓްރެފިކް ކުރެވުނުކަމަށް ބުނާ މީހާ ލައްވައި ހަށިވިއްކުވުމަށް މަޖުބޫރުކޮށްފައިވާތީ، މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 17 ވަނަ މާއްދާއާއި 21 ވަނަ މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރާ ޙަވާލާދީ އެ ޤާނޫނުގެ 21 ވަނަ މާއްދާގެ (ހ) ގެ ދަށުން މީހުން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާއެވެ.

13. މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 17 ވަނަ މާއްދާގައިވަނީ އަންނަނިވި ފަދައިންނެވެ.

(ހ) މީހުން ޓްރެފިކްކުރުމަކީ ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި ޓްރެފިކްކުރުން ކަމަށް ބުނެފައިއެވަނީ، ޓްރެފިކްކުރުމުގެ ޢަމަލެއް ކަމުގައި ބެލޭނެ ކަމަށް މި ޤާނޫނުގައި ބަޔާންކޮށްފައިވާ ކޮންމެ ޢަމަލެއް ހިމެނޭ ގޮތުންނެވެ. އޭގެ ތެރޭގައި، މި ޤާނޫނުގެ 12 ވަނަ މާއްދާއާއި 13 ވަނަ މާއްދާއާއި 14 ވަނަ މާއްދާގައި ބަޔާންކުރާ ޢަމަލުތައް ހިމެނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 10 (ދިހައެއް) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ.

14. އެ ޤާނޫނުގެ 21 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ކުށް ކުރާ ޙާލަތަށް ބިނާކޮށް އަދަބު އިތުރުވާނެ ޙާލަތްތަކެވެ. އެގޮތުން 21 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ އެ ޤާނޫނުގެ 17 ވަނަ މާއްދާގައި ބަޔާންކުރާ ކުށެއް ކުރިއިރު، 21 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ޙާލަތްތަކުގެ ތެރެއިން ޙާލަތެއް ވުޖޫދުގައިވާނަމަ، އެ ކުށް ކުރި މީހާގެ އަދަބަކީ، 15 (ފަނަރަ) އަހަރުގެ މުއްދަތަށް ޖަލަށްލުމެވެ. ދައުލަތުގެ ފަރާތުން ހަވާލާދީފައިވަނީ 21 ވަނަ މާއްދާގެ (ހ) ގެ 5 ވަނަ ނަންބަރަށެވެ. އެ ނަންބަރުގައި ވަނީ

(5) އެ ކުށުގެ ސަބަބުން ޓްރެފިކްކުރެވޭ މީހާގެ ފުރާނައަށް ނުރައްކާވާ ފަދަ ބައްޔެއް ޖެހުމުގެ ފުރުޞަތު ފަހިވުން؛

މިފަދައިންނެވެ.

15. ވުމާއެކު، ދައުލަތުގެ ފަރާތުން ކްރިމިނަލް ކޯޓުގައި މޫސާ މުންތަސިމްގެ މައްޗަށް އުފުލި ދަޢުވާއަށް ރިޢާޔަތް ކުރާއިރު، މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 17 ވަނަ މާއްދާގައި ބަޔާންކުރާ އަދަބަށްވުރެ އެ ޤާނޫނުގެ 21 ވަނަ މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރުގައިވާ ހާލަތެއް އޮތްކަމަށް ބުނެ، 21 ވަނަ މާއްދާގެ ދަށުން ހަރުކަށި އަދަބަކަށް އެދިފައިވެއެވެ.

ވަކި ގޮތަކަށް ޢަމަލުތައް ހުރިނަމަ އެއީ ކުށެއްކަމަށް ކަނޑައަޅާ މާއްދާއާ ޙަވާލާ ދިނުން

16. ހައިކޯޓުގައި ކްރިމިނަލް ކޯޓުގެ ނަންބަރު 538/Cr-C/2017 ގަޒިއްޔާ އިސްތިއުނާފުކުރަމުން ދައުލަތުން ފާހަގަކުރި ނުކުތާއަކީ، ކްރިމިނަލް ކޯޓުން މޫސާ މުންތަސިމް މީހަކު ޓްރެފިކްކުރިކަން ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެ މަތިން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުނުވާކަމަށް ކަނޑައެޅީ، މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ޤާނޫނުގެ 13 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ (i) އާ ޚިލާފަށްކަމަށް ބުނެއެވެ.

17. މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 13 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ

13 (ހ) އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ކުރާ މީހާއަކީ، މީހުން ޓްރެފިކްކުރާ މީހެއްކަމުގައި ބެލޭނެއެވެ.

(1) މީހަކު އެއް ޤައުމުން އަނެއް ޤައުމަށް ގެންދިޔުމަށް ނުވަތަ ބަދަލުކުރުމަށް ނުވަތަ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ނުވަތަ ޙަވާލުވެގަތުމަށް ޤަޞްދުގައި ރޭވުން ނުވަތަ އެއިން ކަމެއް ކުރުމަށް ޤަޞްދުގައި މަގުފަހިކުރުވުން؛ އަދި އެމީހަކު އެހެން ޤައުމަކަށް ގެންދިއުޔުމުގައި ނުވަތަ ބަދަލުކުރުމުގައި ނުވަތަ ގެންދިޔުމަށްފަހު ނުވަތަ ބަދަލުކުރުމަށްފަހު، އަންނަނިވި ޙާލަތްތަކުގެ ތެރެއިން ޙާލަތެއް ހިމެނިގެންވާ ކަމެއް އޭނާއާ ކުރިމަތިވެދާނެކަމާމެދު އިހުމާލުވުން؛

މިފަދައިން ބަޔާންކުރުމަށްފަހު، އެ ނަންބަރުގެ (i) ގައި ބަޔާންކޮށްފައިވަނީ

(i) މަސައްކަތެއް ކުރުމަށް ނުވަތަ ޚިދުމަތެއް ފޯރުކޮށްދިނުމަށް އޭނާއަށް ލާޒިމުކުރުން؛ އަދި އޭނާ ލައްވާ މަސައްކަތް ކުރުވަނީ ނުވަތަ އެ ޚިދުމަތެއް ފޯރުކުރުވަނީ ވަކި ކަމަކަށް ޝަރުޠުކުރުވުމަށް ފަހުގައި ކަމަށްވުން؛ އަދި އޭނާއަށް ކުރިމަތިކުރުވާފައިވާ ޤާނޫނާ ޚިލާފު މަޖުބޫރުކުރުވުމެއްގެ ސަބަބުން އޭނާއަށް އެ ޙާލަތު ނުވަތަ އެ ޝަރުޠު ބަދަލުކުރުމުގެ މިނިވަންކަން ނެތުން؛

18. ހައިކޯޓުން ފާހަގަކޮށްފައިވަނީ ދައުލަތުގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅި ދަޢުވާގައި ޓްރެފިކް ކުރުން ހުއްޓުވުމުގެ ޤާނޫނުގެ 13 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ (i) އާ ކްރިމިނަލް ކޯޓުގައި އެއްވެސް ވަރަކަށް ހަވާލާ ދީފައިނުވާ ކަމެވެ. އަދި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 82 ވަނަ މާއްދާގެ (ނ) ގައިވެސް ކުށް ކަނޑައަޅާ ޤާނޫނެއްގައި ވަކި ކަމެއް ވަކި ގޮތަކަށް ހުރުމަކީ، އެހެން ގޮތަކަށް ސާބިތުނުވާހާ ހިނދަކު، މީހަކު ވަކި ކުށެއް ކުރީކަމުގައި ބެލެވޭނެ ހާލަތެއް ކަމުގައި ޤަބޫލުކުރެވޭނެ ކަމަށް ބަޔާންކުރާނަމަ، އެ މާއްދާގައި ބަޔާންކުރާ ކަންކަން ފުރިހަމަވާ ހާލަތުގައި، މީހެއްގެ މައްޗަށް ދަޢުވާ އުފުލަންޖެހިއްޖެނަމަ އެ ދަޢުވާ އުފުލާނީ އެ ޤާނޫނީ އިފްތިރާޟް ބަޔާންކުރާ މާއްދާއަށް ހަވާލާދިނުމާއެކު، އެ އިފްތިރާޟްގައި ހަވާލާދޭ ކުށް ކަނޑައަޅާ މާއްދާގެ ދަށުންކަމަށް އެ ޤާނޫނުގައި އޮންނަކަން ހައިކޯޓުން އިތުރަށް ފާހަގަކޮށްފައިވެއެވެ.

19. ދައުލަތުގެ ފަރާތުން މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަމުން ބުނެފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 82 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ އުސޫލު މި މައްސަލައަށް ހައިކޯޓުން ތަތުބީޤުކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށެވެ. ސަބަބަކީ އެ ޤާނޫނަށް ފުރަތަމަ އިސްލާޙު ގެނެވުނު ޤާނޫނުގެ6 212 ވަނަ މާއްދާގެ (ހ) ގައި އެ ޤާނޫނަށް ޢަމަލުކުރަން ފަށާނީ 2 ޖުލައި 2017 ގައިކަމަށް ބަޔާންކޮށްފައި އޮތުމުން، މި މައްސަލައަކީ 11 މެއި 2017 ގައި ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެއް ކަމުން ޖިނާއީ އިޖުރާއަތުގެ ޤާނޫނު މި މައްސަލައަށް ތަތުބީޤު ނުކުރެވޭނެކަމެވެ.

20. ދައުލަތުން ފާހަގަކޮށްފައިވާ ފަދައިން، ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ފުރަތަމަ އިސްލާހު ގެނެވުނު ޤާނޫނުގެ ދަށުން އެ ޤާނޫނުގެ 82 ވަނަ މާއްދާގެ (ނ) ސީދާ މި މައްސަލައަށް ތަތުބީޤު ނުކުރެވިދާނެއެވެ. އެކަމަކު އެ މާއްދާގައިވާ އުސޫލު ތަތުބީޤު ކުރެވިދާނެ ހެއްޔެވެ؟

ޤާނޫނުއަސާސީ

21. 7 އޮގަސްޓް 2008 ގައި ތަސްދީޤުކުރި ޤާނޫނުއަސާސީ އަމާޒު ހިފާފައިވަނީ ހުޅުވިގެންވާ ދީމިޤްރާތީ މުޖްތަމައުތަކުގައާއި ބައިނަލް އަޤުވާމީ މިންގަނޑުން ބަލައިގަނެވޭ އަސާސީ ޙައްޤުތަކެއް ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށް ދިނުމަށެވެ. މި އެންމެހައި އަސާސީ ޙައްޤުތައް ހިމާޔަތްކޮށް ކުރިއެރުވުމަކީ ދައުލަތުގެ ވާޖިބެކެވެ.7 ދައުލަތުގެ ތިން ބާރާއި އެންމެހައި މިނިވަން މުއައްސަސާތަކާއި އިދާރާތައް މި އިލްތިޒާމުން ބަރީއަނުވެއެވެ. އަދި ބަރީއަނުކުރެވޭނެއެވެ.

22. ޖިނާއީ ކުށެއް ކޮށްފިކަމުގެ ތުހުމަތު ކުރެވިއްޖެ ކޮންމެ މީހެއްގެ މައްޗަށް ކޯޓެއްގައި ދަޢުވާ އުފުލާއިރު، އެ ދަޢުވާ އުފުލަންޖެހޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ އެންމެހައި ހަމަތަކާއި، ޤާނޫނާއި، އެންމެހައި ފަރުދުންގެ ޙައްޤުތަކާއި މިނިވަންކަން ނެގެހެއްޓޭނެ ގޮތުގެ މަތިންނެވެ.8

23. ކުށެއްގެ ތުހުމަތު ކުރެވިފައިވާ ފަރާތަކަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއިން ކަށަވަރުކޮށްދޭ އެންމެ އަސާސީ އެއް ޙައްޤަކީ ދަޢުވާއިން ދިފާއުވުމުގެ ޙައްޤެވެ.

24. ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުތަކުގެ ތެރޭގައި ދަޢުވާ އުފުލިފައިވާ ކުށުން ދިފާޢުވުމުގެ ޙައްޤަށް ބާރު ލިއްބައިދޭ އެތަކެއް ހަޢްޤުތަކެއް ބަޔާންކުރެވިފައި އެބަހުރިއެވެ. އޭގެ ތެރޭގައި، ކުށެއްކުރިކަމުގެ ދަޢުވާ އުފުލިފައިވާ ކޮންމެ މީހަކަށް އެމީހެއްގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުށަކީ ކޮބައިކަން، އެމީހަކަށް ރަނގަޅަށް ދޭހަވާނެ ބަހަކުން ލަސްނުކޮށް އެންގުމުގެ ޙައްޤާއި،9 ތިމާއާ ދެކޮޅަށް ބަޔާން ނުދިނުމުގެ ޙައްޤާއި،10 ކުށުން ބަރީޢަވުމަށްޓަކައި އެކަށީގެންވާ ވަގުތާއި ވަސީލަތްތައް ލިބުމުގެ ޙައްޤާއި އަދި ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ޙައްޤާއި،11 ދަޢުވާކުރާ ފަރާތުން ޝަރީޢަތަށް ހާޒިރުކުރާ ހެކީންނާ ސުވާލުކުރުމާއި، އެމީހަކު ބޭނުން ހެކީން ޝަރީޢަތަށް ހާޒިރުކޮށްދިނުމަށް ޝަރީޢަތުގައި އެދުމާއި ހެކީންނާ ސުވާލުކުރުމުގެ ޙައްޤާއި،12 ކުށެއްކޮށްފިކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީޢަތުގައި ސާބިތުނުކުރެވޭނަމަ އެމީހަކީ ކުށެއް ނެތް މީހަކުކަމުގައި ބެލުމުގެ ޙައްޤާއި،13 މިނިވަންކަމާއެކު ބަޔާންދިނުމުގެ ޙައްޤު ހިމެނެއެވެ.14 މި ޙައްޤުތަކަކީ ޤާނޫނުއަސާސީއިން ކުށުގެ ދަޢުވާ އުފުލިފައިވާ މީހާއަށް ކަށަވަރުކޮށްދޭ އަސާސީ ޙައްޤުތަކެވެ.

މޫސާ މުންތަސިމްގެ މައްޗަށް އުފުލުނު ޓްރެފިކް ކުރުމުގެ ދަޢުވާއާ ގުޅޭ ގޮތުން ކްރިމިނަލް ކޯޓުން ޙުކުމްކުރީ ޤާނޫނާ ޚިލާފަށްތޯ

25. ކުރިންވެސް ފާހަގަކުރި ފަދައިން މޫސާ މުންތަސިމްގެ މައްޗަށް ޖިންސީ ކުށުގެ ޤާނޫނުގެ ދަށުން ހަށިވިއްކުވުމުގެ ދަޢުވާއާއި މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާގެ ޝަރީޢަތްތައް ހިންގާފައިވަނީ އެކުއެކީގައެވެ.

26. ދައުލަތުގެ ފަރާތުން މޫސާ މުންތަސިމްގެ މައްޗަށް މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން ދަޢުވާ އުފުލާފައިވަނީ އެ ޤާނޫނުގެ 17 ވަނަ މާއްދާއާއި 21 ވަނަ މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރާ ޙަވާލާދީ އެ ޤާނޫނުގެ 21 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ. އެ ޤާނޫނުގެ 17 ވަނަ މާއްދާއަކީ ޓްރެފިކް ކުރުމުގެ ކުށް ތަޖުރީމްކުރާ މާއްދާއެވެ. އެ މާއްދާގައި ޓްރެފިކް ކުރުމުގެ ޢަމަލެއް ކަމަށް އެ ޤާނޫނުގައި ބަޔާންކޮށްފައިވާ ކޮންމެ ޢަމަލެއް ޓްރެފިކް ކުރުމުގެ މާނައިގެ ތެރޭގައި ހިމެނޭ ކަމަށާއި، އަދި އޭގެ ތެރޭގައި އެ ޤާނޫނުގެ 12، 13 އަދި 14 ވަނަ މާއްދާ ހިމެނޭކަމަށް ބަޔާންކޮށްފައިވެއެވެ.15

27. މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގައި މީހުން ޓްރެފިކް ކުރުން ކަމަށް ބެލެވިދާނެ ޢަމަލުތަކެއް ބަޔާންކޮށްފައިވާއިރު، އެ ޤާނޫނުގެ 13 ވަނަ މާއްދާގައިވަނީ އެކްސްޕްލޮއިޓޭޝަން ހިމެނޭ ގޮތަށް މީހުން ޓްރެފިކް ކުރާކަމަށް ބެލެވިދާނެ ޢަމަލުތަކެކެވެ. އަދި 14 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ކުޑަކުއްޖަކާ ދެކޮޅަށް ހިންގޭ ޓްރެފިކް ކުރުމުގެ ޢަމަލުތަކުގެ ވާހަކައެވެ. ބަޔާންވެދިޔަ ތިން މާއްދާއިން އެކަނިވެސް އެތައް ހާލަތްތަކެއް ބަޔާންކޮށް، އެތައް ޢަމަލުތަކެއްގެ ވާހަކަ އާދެއެވެ.

28. ދައުލަތުގެ ފަރާތުން ކްރިމިނަލް ކޯޓުގެ ނަންބަރު 538/Cr-C/2017 ގަޒިއްޔާގައި މޫސާ މުންތަސިމްގެ މައްޗަށް އުފުލާފައިވާ ދަޢުވާގައި މީހުން ޓްރެފިކްކުރުމުގެ ޤާނޫނުގެ 17 ވަނަ މާއްދާއަށް ހަވާލާދިނުމުގެ ނަތީޖާއަކީ، މުޅި އެ ޤާނޫނުގައި ބަޔާންކުރާ ކޮންމެ ޓްރެފިކް ކުރުމުގެ ޢަމަލެއް އެ މާއްދާގެ ދަށަށް އައުމެވެ.

29. ދައުލަތުން ކްރިމިނަލް ކޯޓުގައި ހަވާލާދީފައިވަނީ ޓްރެފިކް ކުރުމުގެ ކުށް ތަޖުރީމްކުރާ މާއްދާއަށެވެ. އެހެން ގޮތަކަށް ބުނާނަމަ، ޓްރެފިކް ކުރުމަކީ ކުށެއްކަމަށް ބަޔާންކުރާ މާއްދާއަށެވެ. އިސްތިއުނާފު ކުރެވޭ ހައިކޯޓުގެ ގަޒިއްޔާގައިވެސް ފާހަގަކޮށްފައިވާ ފަދައިން، ޓްރެފިކް ކުރުމުގެ ގޮތުން، މޫސާ މުންތަސިމް ކުޅަ ޢަމަލަކީ ކޮބައިކަން ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ އެއްވެސް އަޑުއެހުމެއްގައި ދައުލަތުގެ ފަރާތުން ފާހަގަކޮށްފައިނުވެއެވެ.

30. އަދި ހައިކޯޓު މަރުހަލާއިން ފެށިގެން ދައުލަތުގެ ފަރާތުން ހަވާލާ ދެމުންއައި މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 13 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ (i) އަކީ އެއްވެސް އިރެއްގައި ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލިހަށް ހުށަހެޅި، މޫސާ މުންތަސިމްގެ ސަމާލުކަމަށް އެ މާއްދާ ގެނެވި، އެ މާއްދާގައިވާ އުންސުރުތައް މި މައްސަލައިގައި ފުރިހަމަވާ ގޮތް ސާބިތުކޮށްދިނުމަށް ދައުލަތުގެ ފަރާތުން މަސައްކަތް ކޮށްފައިވާ މާއްދާއެއްކަން ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ އެއްވެސް މަހުޟަރު ބަޔާނަކުން އެނގޭކަށް ނެތެވެ.

31. ކުށެއްގެ ދަޢުވާ އުފުލިފައިވާ ކޮންމެ މީހަކަށް ދަޢުވާއިން ދިފާޢުވުމަށް ލިބެންޖެހޭ އެންމެ އަސާސީ ޙައްޤަކީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށަކީ ކޮބައިކަމާއި އެ ކުށް ސާބިތުވުމަށް ފުރިހަމަވާންޖެހޭ އުންސުރުތައް ސާފުވުމެވެ. އޭނާގެ މައްޗަށް ކުރާ ދަޢުވާއަކީ ކޮބައިކަމާއި، ދަޢުވާކުރެވެނީ ކޮން ޢަމަލެއް ކޮށްގެންކަމާއި އެ ޢަމަލުގައި ފުރިހަމަވުން ލާޒިމު އުންސުރުތައް ނޭނގި ދިފާޢެއް ނުވެވޭނެއެވެ. މުއްތަހަމުގެ މައްޗަށް އުފުލިފައިވާ ދަޢުވާ ސާފުވުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާއިން ދަޢުވާ އުފުލިފައިވާ ފަރާތަށް ކަށަވަރުކޮށްދޭ އަސާސީ ޙައްޤެކެވެ. މި ޙައްޤަކީ ދަޢުވާ އުފުލިފައިވާ މީހާ ދިފާޢުވުމަށް ކަށަވަރުކޮށްދީފައިވާ ދެން ހުރި މި ގަޒިއްޔާގެ 24 ވަނަ ޕެރެގްރާފުގައި ބަޔާންކުރެވުނު އަސާސީ ޙައްޤުތަކާވެސް ގުޅިފައިވާ ޙައްޤެކެވެ. އެހެނީ ފުރަތަމަވެސް ދިފާޢުވުމުގެ މަސައްކަތް ކުރެވެން އަންނާނީ އޭނާގެ މައްޗަށް ކުރެވިފައިވާ ދަޢުވާ ސާފުވެގެން ކަމުގައިވާތީއެވެ.

32. ސުޕްރީމް ކޯޓުގައި ދައުލަތުން ދައްކާފައިވާ ވާހަކަތަކުގައި މޫސާ މުންތަސިމް ކުރި ޢަމަލު ފެތޭ މާއްދާއާ ޤާނޫނީގޮތުން ޙަވާލާދިނުން ލާޒިމު ނުވާކަމަށާއި ދަޢުވާގައި އެ ޤާނޫނުގެ 17 ވަނަ މާއްދާއާ ޙަވާލާދީފައިވާތީއާއި އަދި އެ ޤާނޫނުގެ 17 ވަނަ މާއްދާގެ (ށ) ގައި އެ ޤާނޫނުގެ 12، 13 އަދި 14 ވަނަ މާއްދާގައި ބުނާ ޢަމަލުތައް ޓްރެފިކްކުރުން ކަމުގައި ބެލެވޭނެކަމަށް އޮންނާތީ، މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 12، 13 އަދި 14 ވަނަ މާއްދާއަށް މައްސަލަ ބަލާ ފަނޑިޔާރު ރިޢާޔަތް ކުރަންޖެހޭކަމަށް ބުނެ އެ މޭރުމުން ވާހަކަދައްކާފައިވެއެވެ.

33. ނަމަވެސް، އެ ޤާނޫނުގެ 12 ވަނަ މާއްދާގެ ދަށުން މީހުން ޓްރެފިކްކުރުމުގެ އެކި ޢަމަލުތަކުގައި ފުރިހަމަވާންޖެހޭ އުންސުރުތަކާއި، 13 ވަނަ މާއްދާގެ ދަށުން އެކްސްޕްލޮއިޓޭޝަން ހިމެނޭގޮތުން މީހުން ޓްރެފިކްކުރުމުގެ އެކި ޢަމަލުތަކުގައި ފުރިހަމަވާންޖެހޭ އުންސުރުތަކާއި، އެ ޤާނޫނުގެ 14 ވަނަ މާއްދާގެ ދަށުން ކުޑަކުއްޖަކާ ދެކޮޅަށް ޓްރެފިކްކުރުމުގެ ޢަމަލުތައް ސާބިތުކުރުމުގައި ފުރިހަމަވާންޖެހޭ އުންސުރުތައް ތަފާތެވެ. ކުށުގެ އުންސުރުތައް ތަފާތުވުމުން ދައުލަތުން ސާބިތުކޮށްދޭންޖެހޭ ކަންކަންވެސް ތަފާތުވާނެއެވެ.

34. ޖިނާއީ ކުށެއްކުރިކަމުގެ ތުހުމަތުވާ ކޮންމެ މީހެއްގެ މައްޗަށް ދަޢުވާ އުފުލުމަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ ބާރުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ.16 މި ބާރު ބޭނުންކުރުމުގައި ޤާނޫނުއަސާސީއިން ކަށަވަރުކޮށްދޭ އަސާސީ ޙައްޤުތައް ނެގެހެއްޓުމަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ ވާޖިބެކެވެ.17 މި މަހައްލުގައި، ކުށުގެ ތުހުމަތުގައިވާ މީހާގެ މައްޗަށް ކުރެވޭ ދަޢުވާ ސާފުކޮށްދިނުމާއި، ދަޢުވާކުރެވޭ ކުށުގައި ފުރިހަމަވާންޖެހޭ އުންސުރުތަކަކީ ކޮބައިކަމާއި، އަދި އެކަންކަން ކޯޓުގައި ސާބިތުކޮށްދިނުމަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ ޒިންމާއެކެވެ.

35. މި މައްސަލައިގައި ޕްރޮސިކިއުޝަނުން މޫސާ މުންތަސިމްގެ މައްޗަށް މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން ދަޢުވާ އުފުލާފައިވަނީ، މުޅި ޤާނޫނު ލިޔެވިފައިވާ ފޮތް ހުޅުވައި މައްސަލަ ބަލާ ފަނޑިޔާރަށް ވެދުންކުރާ ބީދައިންނެވެ. އެ ފޮތް ކިޔުމަށްފަހު މައްސަލަ ބަލާ ފަނޑިޔާރަށް މޫސާ މުންތަސިމްގެ ޢަމަލުތައް އެންމެ ގާތްކުރާ ޤާނޫނީ މާއްދާއަކާ ހަވާލާދިނުމަށްފަހު ކުށް ސާބިތުކުރުމަށް ފަނޑިޔާރުގެ ފުރިހަމަ އިޚްތިޔާރަށް ދޫކޮށްލާ މޭރުމުންނެވެ. މުޅި ޤާނޫނާ ހަވާލާދީ ކުރެވޭ ދަޢުވާތަކުގައި ތުހުމަތު ކުރެވޭ މީހާގެ ޢަމަލުތައް ފެތޭ މާއްދާ ކަނޑައަޅައި، އެ މާއްދާގެ ދަށުން އުންސުރުތައް ފުރިހަމަވާ ގޮތް ބުނެދިނުމަކީ ފަނޑިޔާރުގެ ޒިންމާއެއް ނޫނެވެ. އަދި 2008 ގައި ޢަމަލުކުރަން ފެށި ޤާނޫނުއަސާސީގައި މިނިވަން އަދި މުސްތަގިއްލު އިންސާފު ގާއިމުކުރުމުގެ ބާރެއް އޮތުމުގެ މަފްހޫމަށް ދާނަމަ، މައްސަލަ ބަލާ ފަނޑިޔާރު ކޮށްގެންވާނެ ކަމެއްވެސް ނޫނެވެ.

36. މައްސަލަ ބަލާ ފަނޑިޔާރުގެ ޒިންމާއަކީ ހުށަހެޅިފައިވާ ދަޢުވާ ސާބިތުވާކަން ނުވަތަ ނޫންކަން ނިންމުމެވެ. މައްސަލަ ބަލާ ފަނޑިޔާރަށް ބުރަވެވޭގޮތް ބަޔާންކުރާނީ މައްސަލައިގެ ނިންމުމުގައެވެ. ހުށަހެޅިފައިވާ މައްސަލައިގައި ކްރިމިނަލް ކޯޓުގެ މައްސަލަ ބެލި ފަނޑިޔާރު ކަނޑައަޅާފައިވަނީ މޫސާ މުންތަސިމް ޓްރެފިކް ކުރެވުނުކަމަށް ބުނާ މީހާ ރާއްޖެ ގެނެސް އޭނާ ލައްވައި ހަށިވިއްކުމުގެ ޢަމަލު ހިންގިކަން އެނގެން އޮތްނަމަވެސް، ޓްރެފިކް ކުރެވުނުކަމަށް ބުނާ މީހާ ރާއްޖެއައީ އޭނާގެ ރުހުމުގައިކަން އެނގެން އޮންނަކަމަށާއި އަދި އޭނާ ހަށިވިއްކުމުގެ ޢަމަލު ހިންގާފައިވަނީ އޭނާގެ ނުރުހުމުގައިކަން ހެކިންގެ ހެކިބަހުން އެނގެން ނެތުމުން، މިއީ މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނުގައި މީހުން ޓްރެފިކް ކުރުންކަމުގައި ބުނެފައިވާ މާނައިގެ ތެރޭގައި ހިމެނޭ ޢަމަލެއް ނޫންކަމަށެވެ.

37. ކްރިމިނަލް ކޯޓުގެ ފަނޑިޔާރު މި ނިންމުމަށް ވާސިލުވުމުގައި ރިޢާޔަތްކުރި ހެކިތަކަށް އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ގަޒިއްޔާގެ 14 އަދި 15 ވަނަ ޕެރެގްރާފްގައި އަލިއަޅުވާލާފައިވެއެވެ. އެގޮތުން މި މައްސަލައިގައި ހެކިބަސް ދީފައިވާ ސްރީލަންކާގެ ރައްޔިތެއްކަމުގައިވާ ލަސަންތަގެ ހެކިބަހަށާއި ސަލްމާ ޝާޠިރުގެ ހެކިބަހަށް އަލިއަޅުވާލާފައިވެއެވެ. މި ދެ ހެކިންގެ ހެކިބަހަށް ހައިކޯޓުން އަލިއަޅުވާލާފައިވަނީ ކްރިމިނަލް ކޯޓުން މޫސާ މުންތަސިމްގެ މައްޗަށް ޓްރެފިކްކުރުމުގެ ކުށް ސާބިތުނުވާކަމަށް ކަނޑައެޅި ސަބަބަކީ ހަށިވިއްކުމުގެ މަސައްކަތް ޓްރެފިކް ކުރެވުނުކަމަށް ބުނާ މީހާ ކޮށްފައިވަނީ އޭނާގެ ނުރުހުމުގައިކަން އެނގެން ނެތްކަމަށް ބިނާވާ ސަބަބުކަމުގައިވާތީއެވެ. އެހެންގޮތަކަށް ބުނާނަމަ، ކްރިމިނަލް ކޯޓުން މޫސާ މުންތަސިމްގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކަނޑައަޅާފައިވަނީ ހެކިންގެ ހެކިބަހަށް ރިޢާޔަތްކޮށް ސަބަބުތަކެއްގެ މައްޗަށް ބިނާވެހުރެއެވެ. މި މައްސަލައިގައި ހެކިން ހެކިބަސް ދީފައިވަނީ ދެ ކުށަކަށް (އެއީ މޫސާ މުންތަސިމް މީހަކު ލައްވައި ހަށިވިއްކުވިކަމުގެ ކުށާއި، މީހުން ޓްރެފިކްކުރުމުގެ ކުށަށް) ކަމުގައިވާއިރު، މި ދެ ކުށާ ގުޅިގެން ހެކިންގެ ހެކިބަހުން ސާބިތުވާންހުރި ކަންކަމަށް ކްރިމިނަލް ކޯޓުގައި މައްސަލަ ބެލި ފަނޑިޔާރު ރިޢާޔަތްކޮށްފައިވާ ކަމުގައި ދެކެމެވެ.

38. ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައިވެސް ދައުލަތުގެ ފަރާތުން ބުނެފައިވަނީ މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 13 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ (i) އާ ކްރިމިނަލް ކޯޓުގައި ހަވާލާދީފައި ނުވާނެކަމަށެވެ.18 މޫސާ މުންތަސިމްގެ މައްޗަށް ދަޢުވާ އުފުލާ މާއްދާ ބަޔާންނުކޮށް މޫސާ މުންތަސިމް ދިފާއުވާނީ ކިހިންތެތޯ ސުޕްރީމް ކޯޓުން ސުވާލު ކުރުމުން، ދައުލަތުގެ ފަރާތުން ބުނެފައިވަނީ މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 13 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ (i) އާ ކްރިމިނަލް ކޯޓުގައި ހަވާލާދީ ތަފްސީލުކޮށްދިނުމުގެ މަހައްލެއް އެއިރު ނެތްކަމަށެވެ.19 އަދި ދަޢުވާ ސާފުވާކަމަށް މޫސާ މުންތަސިމްގެ ފަރާތުންވެސް ބުނެފައިވާކަމަށެވެ.

39. މި މައްސަލައިގައި ދައުލަތުގެ ފަރާތުން ކްރިމިނަލް ކޯޓުގައި ހަވާލާދީފައިވަނީ މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 17 ވަނަ މާއްދާއަށް ކަމުގައިވާއިރު، އެ މާއްދާގެ ދަށުން ޓްރެފިކް ކުރުމަކީ ކުށެއްކަން ސާފެވެ. ދަޢުވާއެއްވެސް ސާފުވާނީ އެ ދަޢުވާއެއްގައި ބުނާ އެއްޗެއްގެ މައްޗަށެވެ. ކުށުގެ ތުހުމަތުގައިވާ މީހަކު އެދެފިނަމަ، ދައުލަތުގެ ފަރާތުން ދަޢުވާ އިތުރަށް ސާފުކޮށްދިނުމުގެ ގޮތުން ނިޔަތް ގަނެގެން ހުރި ކަމެއްގެ މައްޗަށްކަށް ނޫނެވެ. އަދި އުނިކަމެއް ނުވަތަ އައިބުކަމެއް ހުރި ޖިނާއީ ދަޢުވާއެއް އިސްލާހުކުރުމަށް އެދުމަކީ ކުށުގެ ތުހުމަތުގައިވާ މީހާ ކުރަންޖެހޭ ކަމެއްކަމަށްވެސް ބަލައިގެން ނުވާނެއެވެ.

40. މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 13 މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ (i) ގެ ދަށުން މޫސާ މުންތަސިމްގެ މައްޗަށް ދަޢުވާކުރާނަމަ، ދަޢުވާގެ ސީޣާގައި މި މާއްދާއާ ހަވާލާދޭންޖެހޭނެ ކަމުގައި އަހުރެން ދެކެމެވެ. ސަބަބަކީ މީހެއްގެ މައްޗަށް ކުރެވޭ ދަޢުވާ އެމީހާއަށް އެނގުމަކީ، އަދި ދިފާއުވުމަކީ އަސާސީ ޙައްޤުތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކަމުގައިވާތީއެވެ. އަދި މި މާއްދާގެ ދަށުން ފުރިހަމަވާންޖެހޭ ކުށުގެ އުންސުރުތަކަކީ ކޮބައިކަން ބަޔާންކުރުމަށްފަހު، މޫސާ މުންތަސިމް ކުރި ޢަމަލާއި ނިޔަތް މި މާއްދާއަށް ފެތޭގޮތްވެސް ދަޢުލަތުން ސާފުކޮށްދޭންޖެހެއެވެ.

41. ވުމާއެކު، މި މައްސަލައިގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 82 ވަނަ މާއްދާގެ (ނ) ތަތުބީޤު ނުކުރިނަމަވެސް، ޤާނޫނުއަސާސީގައި ބަޔާންކުރާ ދިފާއުވުމުގެ އަސާސީ ޙައްޤުތަކަށް ރިޢާޔަތްކުރާއިރު، ދަޢުވާ އުފުލުމުގައި ދަޢުވާކުރެވޭ ކުށާއި އެ ކުށުގެ އެންމެހައި އުންސުރުތައް ފުރިހަމަވާ ގޮތް ޝަރީޢަތުގައި ބުނެދިނުމަކީ ދައުލަތުގެ ޒިންމާއެކެވެ. މޫސާ މުންތަސިމް ކުރިކަމަށް ތުހުމަތު ކުރެވޭ ކުށާއި އެ ކުށުގެ އެންމެހައި އުންސުރުތައް ފުރިހަމަވާ ގޮތް ދަށު މަރުހަލާގައި ބުނެދިނުމަކާ ނުލައި، ހައިކޯޓު މަރުހަލާގައި އެކަންކަމަށް ރިޢާޔަތްކޮށްދިނުމަށް އެދުމަކީ އިސްތިއުނާފު ކުރެވޭ ހައިކޯޓުގެ ގަޒިއްޔާގައިވެސް ބަޔާންކޮށްފައިވާ ފަދައިން، ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާއާ ޚިލާފު ޢަމަލެކެވެ.20 އެހެނީ ހައިކޯޓުން އިސްތިއުނާފީ މައްސަލަ ބެލުމުގެ އުސޫލަކީ ދަށު ކޯޓަށް ހުށަހެޅުނު ހެއްކާއި ދިފާއުތަކަކީ އަސާސް ކަމުގައިވާތީއެވެ.21 އެހެންކަމުން، ހައިކޯޓުގެ ނަންބަރު 2019/HC-A/618 ގަޒިއްޔާގައި މި މައްސަލައިގެ މައުލޫއުގައި ދައުލަތުން އަލަށް ވުޖޫދުކުރި ނުކުތާއަށް ގޮތެއް ކަނޑައެޅެން ނެތްކަމަށް ނިންމާފައިވަނީ ޤާނޫނީ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަމުގައި އަހުރެން ދެކެމެވެ.

42. ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެ މަތިން ހުރުމާއެކު ހައިކޯޓުގެ ނަންބަރު 2019/HC-A/618 ގަޒިއްޔާގެ ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ފަދަ ސަބަބެއް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ހުށަހެޅިފައިނުވެއެވެ.

ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު

43. މި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު

44. މި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންކުރެވުނު ސަބަބުތައް އެހެންހުރުމާއެކު، ކްރިމިނަލް ކޯޓުގެ ނަންބަރު 538/Cr-C/2017 ގަޒިއްޔާއަށް ތާއީދުކޮށް ހައިކޯޓުގެ ނަންބަރު 2019/HC-A/618 ގަޒިއްޔާގައި ކޮށްފައިވާ ޙުކުމުގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ22 82 ވަނަ މާއްދާގެ (ނ) އަށް ހަވާލާދީފައި އޮތްއޮތުން ބާޠިލުކަމަށް ކަނޑައެޅި ނަމަވެސް، އެ ގަޒިއްޔާގައި ވާސިލުވެވުނު ނިންމުމަށް ބަދަލު ގެންނަންޖެހޭ ފަދަ ސަބަބެއް ނެތްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، ޙުކުމްކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ: ޙުސްނުއްސުޢޫދު އަޒްމިރާލްދާ ޒާހިރު މުޙައްމަދު އިބްރާހީމް (ރިޔާސަތު)

1 ނަންބަރު K(a)/SCOR/2017/10 " ސީން އޮފް ކްރައިމް އޮފިސަރސް ރިޕޯރޓް"

2 ޤާނޫނު ނަންބަރު 2014/17

3 ޤާނޫނު ނަންބަރު 12/2013 (އިސްލާހުތައް ގެނެވުމުގެ ކުރިން އޮތް ޤާނޫނު)

4 ޤާނޫނު ނަންބަރު 2016/12 (ޤާނޫނު ނަންބަރު 2016/23 އިން ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ގެނައި އެއްވަނަ އިސްލާޙު ހިމެނޭ ގޮތަށް)

5 އބމ

6 ޤާނޫނު ނަންބަރު 2016/23

7 ޤާނޫނުއަސާސީގެ 18 ވަނަ މާއްދާ

8 ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ނ) އަދި (ފ)

9 އބމ ގެ 51 ވަނަ މާއްދާގެ (ހ)

10 އބމ ގެ 51 ވަނަ މާއްދާގެ (ނ)

11 އބމ ގެ 51 ވަނަ މާއްދާގެ (ބ)، (ޅ) އަދި 53 ވަނަ މާއްދާ

12 އބމ ގެ 51 ވަނަ މާއްދާގެ (ކ)

13 އބމ ގެ 51 ވަނަ މާއްދާގެ (އ)

14 އބމ ގެ 52 ވަނަ މާއްދާ

15 މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 17 ވަނަ މާއްދާގެ (ށ)

16 ޤާނޫނުއަސާސީ 223 ވަނަ މާއްދާގެ (ނ)

17 ޤާނޫނުއަސާސީގެ 18 ވަނަ މާއްދާ

18 ސުޕްރީމް ކޯޓުގައި 26 ޖެނުއަރީ 2023 ގައި ބޭއްވުނު މި މައްސަލައިގެ ދެވަނަ އަޑުއެހުމުގައި ދައުލަތުގެ ވަކީލް ފާޠިމަތު މީޝާ ދައްކާފައިވާ ވާހަކަ

19 އބމ

20 ޤާނޫނު ނަންބަރު 2010/22

21 އބމ 32 ވަނަ މާއްދާގެ (ހ)

22 ޤާނޫނު ނަންބަރު 2016/12 (ޤާނޫނު ނަންބަރު 2016/23 އިން ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ގެނައި އެއްވަނަ އިސްލާޙު ހިމެނޭ ގޮތަށް)

2022/SC-A/70 [2024] SC 46

2019/SC-A/300 [2021] SC 778

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ