ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
[2026] SC 17 · 2025/SC-A/45

މައުމޫން ޙުސައިންފުޅު ވ. މަރިޔަމް ނަޝީދާ

ސުޕްރީމް ކޯޓުދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 14 މޭ 2026ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
2023/HC-A/344، 2023/HC-A/381
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ޢިމާރާތުގެ ކުރެހުމަށް ދެފަރާތުން ރުހިގެން ބަދަލު ގެނައުމުން އެއްބަސްވުމުގައިވާ މަސައްކަތް ނިންމަންޖެހޭ މުއްދަތަށް ވީ އަސަރާއި، އިތުރުކުރި މުއްދަތު ދަށުކޯޓުން ސީދާ ބަޔާންނުކޮށް ނިންމުމަކީ ގޯހެއްތޯއާއި، އެއްބަސްވުމުގެ 20.3 ވަނަ މާއްދާގައިވާ އިޖުރާއަތާ އެއްގޮތަށް އެއްބަސްވުން ބާޠިލުކުރުމުގެ ނޯޓިސް ފޮނުވިތޯ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

ހައިކޯޓުގެ ޙުކުމް ޤާއިމް (އިއްތިފާޤުން)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މަދަނީ › މަދަނީ – ކޮންޓްރެކްޓް (ގޯތި ތަރައްޤީކުރުމާއި ކުއްޔަށްދިނުމުގެ އެއްބަސްވުން، މުއްދަތު އިތުރުކުރުން، ބާޠިލުކުރުމުގެ ނޯޓިސް)

HN1 ދަށުކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޕެރެގްރާފެއް ކިޔަންވާނީ އެއްކޮށް، މައްސަލައިގެ ލިޔެކިޔުންތަކާއި ފަރާތްތަކުގެ ވާހަކަތަކުގެ އަލީގައެވެ؛ އެގޮތުން ބަލާއިރު ފަރާތެއްގެ ސިފަ ([ދަޢުވާލިބޭ ފަރާތް]) އޮޅުމަކުން ލިޔެވިފައިވާކަން ސާފުވާނަމަ، އެ ޖުމްލަ ކިޔާނީ ރަނގަޅު ސިފައިންނެވެ ([ދަޢުވާކުރާ ފަރާތް])؛ އަދި އެފަދަ އޮޅުމަކަށް ބިނާކޮށް ދަށުކޯޓުން ނުނިންމާ ނިންމުމެއް ނިންމިކަމަށް ބުނެވޭކަށް ނެތެވެ.

HN2 ދެފަރާތުން ރުހިގެން އެއްބަސްވުމުގައިވާ މުއްދަތު އިތުރުކޮށްފައިވާ ކަމަށް ކަނޑައެޅިއިރު އިތުރުކުރި ސީދާ މުއްދަތު ދަށުކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައި ނުވިނަމަވެސް، ދެފަރާތުން ޢަމަލުކޮށްފައިވާ ގޮތުން އެ މުއްދަތު އެނގެން އޮތްނަމަ އެއީ ނިންމުން ބާޠިލުކުރާނެ ޤާނޫނީ ގޯހެއް ނޫނެވެ؛ މި މައްސަލައިގައި ބަދަލުކުރި ކުރެހުން ޙަވާލުކުރިތާ 12 މަސް ފަހުން އެއްބަސްވުމާ އެއްގޮތަށް ފޮނުވި ނޯޓިހަށް ޢިމާރާތްކުރާ ފަރާތުން އިންކާރު ނުކުރުމުން، އިތުރުކުރި މުއްދަތަކީ 12 މަސްކަން ބައިވެރިން ޤަބޫލުކުރާކަން ދޭހަވެއެވެ.

HN3 އެއްބަސްވުމުގެ ޚިލާފެއް ރަނގަޅުކުރުމަށް 30 ދުވަހުގެ ނޯޓިސް ދީގެން ބާޠިލުކުރެވޭ ގޮތަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ޙާލަތެއްގައި، ޚިލާފުނުވާ ފަރާތުން ގާތްގަނޑަކަށް 5 މަސް ދުވަހުގެ ތެރޭގައި 2 ނޯޓިސް ފޮނުވި ނަމަވެސް އެ ނޯޓިސްތަކަށް ޖަވާބުދާރީ ނުވެ، ފަހުން "ޚިލާފަކީ 30 ދުވަހުގެ ތެރޭގައި ރަނގަޅުނުކުރެވޭނެ ކަމެއް ކަމުން މުއްދަތަކަށް ލިޔުމުން އެއްބަސްވާން ޖެހޭނެ" ކަމަށް ބުނުމަކީ އެ އިޖުރާއަތުގެ މަޤްޞަދާ ފުށުއަރާ، އެއްބަސްވުމަށް ޢަމަލުކުރުމުގައި ހެޔޮނިޔަތް އެއްފަރާތްކޮށް ހަމައެކަނި ޚިލާފުވި ފަރާތުގެ މަޞްލަޙަތަށް ބުނާ ބުނުމެކެވެ؛ އެހެންކަމުން އެ ޙާލަތުގައި ފޮނުވި ބާޠިލުކުރުމުގެ ނޯޓިސް އިޖުރާއަތާ ޚިލާފެއް ނޫނެވެ.

HN4 މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 25ވަނަ ބާބުގެ ދަށުން ޝަރީޢަތުގެ ޚަރަދަށް އެދުނު ނަމަވެސް ޚަރަދުގެ ތަފްޞީލު ހުށަނާޅާނަމަ، ޚަރަދާމެދު ގޮތެއް ކަނޑައެޅިފައެއް ނުވެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
މުޙައްމަދު ސަލީމް، ޑރ. މުޙައްމަދު އިބްރާހީމް (ރިޔާސަތު)، ޢަބްދުﷲ ޙަމީދު
ރިޔާސަތު
ޑރ. މުޙައްމަދު އިބްރާހީމް
ރައުޔު ލިޔުނު ފަނޑިޔާރު
މުޙައްމަދު ސަލީމް · ތާއީދުކުރެއްވީ: ޢަބްދުﷲ ޙަމީދު
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު މުޙައްމަދު ސަލީމްގެ ރައުޔު (ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް އަދި ފަނޑިޔާރު ޢަބްދުﷲ

ޙަމީދު ތާއީދު ކުރައްވާފައި)

ތަޢާރުފު

1މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-A/344,381 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނާ ޚިލާފަށް ކަމުގައި ބުނެ، ރ. މަޑުއްވަރީ، […] މައުމޫން ޙުސައިންފުޅު (މީގެފަހުން "މައުމޫން ޙުސައިންފުޅު" ނުވަތަ "އިސްތިއުނާފު ކުރާ ފަރާތް") ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، މި ކޯޓުގެ ނަންބަރު 2025/SC-A/45 ޤަޟިއްޔާއިން ބެލި އިސްތިއުނާފީ މައްސަލައެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ، […] މަރިޔަމް ނަޝީދާ (މީގެފަހުން "މަރިޔަމް ނަޝީދާ" ނުވަތަ "އިސްތިއުނާފު" ރައްދުވާ ފަރާތް") އަށެވެ.

ކަންހިނގާފައިވާ ގޮތް

216 ޑިސެންބަރު 2018 ގައި މައުމޫން ޙުސައިންފުޅާއި މަރިޔަމް ނަޝީދާއާ ދެމެދު ހުޅުމާލެ ގޯތި ނަންބަރު 11210 އެވެކިޔާ ގޯތި ތަރައްޤީކުރުމާއި ދިގުމުއްދަތަށ ކުއްޔަށް ދިނުމުގެ އެއްބަސްވުމެއްގައި (މީގެފަހުން "އެއްބަސްވުން" ކަމަށް ބަޔާންކޮށްފައިވާ) ސޮއިކުރެވުނެވެ.

3މި އެއްބަސްވުމުގެ ދަށުން މައުމޫން ޙުސައިންފުޅާ ޙަވާލުކުރެވިފައިވަނީ އެ ގޯތީގައި ޢިމާރާތްކުރަމުންދާ ޢިމާރާތުގެ ތިންވަނަ ފްލޯރ އާއި ހަތަރުވަނަ ފްލޯރ އާއި ފަސްވަނަ ފްލޯރ އަދި ޓެރަސްގެ މަސައްކަތް އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން 12 (ބާރަ) މަސް ދުވަސްތެރޭ ނިންމުމަށެވެ.

4އެއްބަސްވުމުގެ ދަށުން މައުމޫން ޙުސައިންފުޅަށ ކުއްޔަށް ދީފައިވާ ތިންވަނަ ފްލޯރ އާއި ހަތަރުވަނަ ފްލޯރގެ ކުލީގެ މުއްދަތު ކަމުގައިވާ 20 (ވިހި) އަހަރު ދުވަސް ގުނަން ފަށާނީ މައުމޫން ޙުސައިންފުޅުގެ ފަރާތުން އެއްބަސްވުމުގެ މުއްދަތުގައި އެ ޢިމާރާތުގެ ފަސްވަނަ ފްލޯރ އާއި ޓެރަސް ފްލޯރގެ މަސައްކަތް ނިންމުމަށްފަހު އިމާރާތުގެ އެންމެހައި ފްލޯރތަކަށް ސަރުކާރުގެ ކަމާބެހޭ އިދާރާއިން ދިރިއުޅުމުގެ ހުއްދަ ލިބޭ ދުވަހުން ފެށިގެން ކަމުގައި ބަޔާންކޮށްފައިވެއެވެ.

5އެއްބަސްވުމުގެ ދަށުން ތަރައްޤީކުރަންޖެހޭ ޢިމާރާތް ތަރައްޤީކުރާނީ އެއްބަސްވުމުގެ ޖަދުވަލު 4 ގައިވާ ކުރެހުމާ އެއްގޮތަށް ކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވެއެވެ. އަދި އެއްބަސްވުމުގެ 9 ވަނަ މާއްދާގެ ދަށުން ޢިމާރާތުގެ ފަސްވަނަ ފްލޯރ އާއި ޓެރަސް ފްލޯރ 16 ޑިސެންބަރު 2019 ގައި މަރިޔަމް ނަޝީދާއާ ޙަވާލުކޮށްފައިނުވާނަމަ، އެ ދުވަހުގެ ފަހުން ހިނގާ ކޮންމެ މީލާދީ މަހަކަށް - 18000/ ރ. (އަށާރަހާސް ރުފިޔާ) މައުމޫން ޙުސައިންފުޅުގެ ފަރާތުން މަރިޔަމް ނަޝީދާއަށް ދިނުމަށް އެއްބަސްވެފައިވެއެވެ.

6އެއްބަސްވުމުގައި ދެފަރާތުން ސޮއިކުރުމުގެ ފަހުން، ބަޔާންވެދިޔަ ޖަދުވަލު 4 (ޢިމާރާތުގެ ކުރެހުން) އަށް ބަދަލު ގެނެވިފައިވާ ކަމާއި، މިގޮތުން ޢިމާރާތުގެ ކުރެހުމަށް ގެނެވުނު ބަދަލު އެޕްރޫވްކޮށްފައިވަނީ 05 ޖުލައި 2020 ގައިއެވެ. އަދި މި ގެނެވުނު ބަދަލާ ގުޅިގެން ޢިމާރާތް ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތަށް އިތުރު ބަދަލެއްވިޔަސް ގެނެވިފައިވާކަން އެނގެން ނެތެވެ.

7އެއްބަސްވުމުގައިވާ ކުރެހުން އެޕްރޫވްކުރި ފަހުން، އެއްބަސްވުމާ އެއްގޮތަށް ޢިމާރާތްކުރުމުގެ ކަންތައް ކުރިއަށް ނުދާތީ މަރިޔަމް ނަޝީދާގެ ފަރާތުން އެކަންކަން އިޞްލާޙުކުރުމަށް އެދި 20 ސެޕްޓެންބަރު 2021 ވަނަ ދުވަހު މައުމޫން ޙުސައިންފުޅަށ ސިޓީއެއް އަދި އޭގެ ފަހުން 06 ޖަނަވަރީ 2022 ގައި މައުމޫން ޙުސައިންފުޅުގެ ފަރާތުން އެއްބަސްވުމުގެ މާއްދާތަކާ ޚިލާފުވެފައިވާކަމާއި، އެކަންކަން އިޞްލާޙުކުރެވޭނެ ދުވަހެއް މަރިޔަމް ނަޝީދާއަށް އަންގައި ދިނުމަށް އެދި ސިޓީ ފޮނުވައި، 13 ފެބްރުއަރީ 2022 ގައި މައުމޫން ޙުސައިންފުޅާއި މަރިޔަމް ނަޝީދާއާ ދެމެދު ވެވުނު އެއްބަސްވުން ބާޠިލްކޮށް 03 މާރޗް 2022 އިން ފެށިގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި ތަން ހަވާލުކުރުމަށް މަރިޔަމް ނަޝީދާގެ ފަރާތުން މައުމޫން ޙުސައިންފުޅަށް އަންގާފައިވެއެވެ.

8މައުމޫން ޙުސައިންފުޅުގެ ފަރާތުން އެއްބަސްވުމާ ޚިލާފުވެފައިވާކަމަށް ދެކި މަރިޔަމް ނަޝީދާއާއި މައުމޫން ޙުސައިންފުޅު ދެމެދު ވެފައިވާ އެއްބަސްވުމަކީ ބާޠިލް އެއްބަސްވުމެއް ކަމުގައި ކަނޑައަޅައި ދިނުމަށާއި، މައުމޫން ޙުސައިންފުޅުގެ ފަރާތުން އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން މަރިޔަމް ނަޝީދާއަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ނަގައިދިނުމަށް އެދި މަރްޔަމް ނަޝީދާގެ ފަރާތުން ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ.

9ސިވިލް ކޯޓުގެ ނަންބަރު 1383/Cv-C/2022 ޤަޟިއްއިން ބެލުނު އެ މައްސަލައިގައި އެ ކޯޓުން ނިންމާފައިވަނީ 16 ޑިސެންބަރު 2018 ގައި މައުމޫން ހުސައިންފުޅު އާއި މަރްޔަމް ނަޝީދާ އާ ދެމެދު ވެފައިވާ އެއްބަސްވުމާ މައުމޫން ޙުސައިންފުޅު ޚިލާފުވެފައިވާތީ އެ އެއްބަސްވުމަކީ ބާޠިލު އެއްބަސްވުމެއްކަމަށް ކަނޑައަޅައި، މައްސަލައިގައި ޙުކުމްކުރާ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި މައުމޫން ޙުސައިންފުޅުގެ އެއްވެސް މުދަލެއް ނުވަތަ ބަޔަކު އެ ޢިމާރާތުގައި ތިބިނަމަ އެތަން ހުސްކޮށް މަރްޔަމް ނަޝީދާއާ ތަން ޙަވާލުކުރުމަށާއި، ދަޢުވާގައި މަރްޔަމް ނަޝީދާ ހޯދުމަށް އެދިފައިވާ ބަދަލު މި ހިނދަށް ނަގައިދެވޭނެ ތަނެއް ނެތްކަމަށް ކަނޑައަޅާ ޙުކުމްކޮށެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގައި ކުރެވުނު އިސްތިއުނާފު

10ސިވިލް ކޯޓުން މި މައްސަލަ ނިންމުމާއެކު، މައުމޫން ޙުސައިންފުޅުގެ ފަރާތުން މަރްޔަމް ނަޝީދާއަށް ރައްދުވާގޮތަށް އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިއެވެ. މި މައްސަލަ އެ ކޯޓުން ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2023/HC-A/344 ޤަޟިއްޔާއިންނެވެ. އަދި ބުނެވިދިޔަ ޤަޟިއްޔާ މައުމޫން ޙުސައިންފުޅުގެ ފަރާތުން އިސްތިއުނާފުކުރުމަށް އެދި ހައިކޯޓަށް ހުށަހެޅިކަން މަރްޔަމް ނަޝީދާއަށް އެންގުމުން، މަރްޔަމް ނަޝީދާގެ ފަރާތުން މައުމޫން ޙުސައިންފުޅަށ ރައްދުވާ ގޮތަށް އިތުރު އިސްތިއުނާފުގެ މައްސަލައެއް ހައިކޯޓަށް ހުށަހެޅިއެވެ. އެ މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2023/HC-A/381 ޤަޟިއްޔާއިންނެވެ.

11ހައިކޯޓުގެ ނަންބަރު 2023/HC-A/344 ޤަޟިއްޔާގައި މައުމޫން ޙުސައިންފުޅުގެ ފަރާތުން ހައިކޯޓަށް މައިގަނޑު 03 (ތިނެއް) ނުކުތާއެއް ހުށަހެޅި އެވެ. އެއީ؛

11.1 ސިވިލް ކޯޓުގެ ޙުކުމުގައި މަރްޔަމް ނަޝީދާގެ ފަރާތުން އިތުރު އެޕާރޓްމަންޓެއް ހެދިގެން ދާނެކަން އެންގި އެކަން ސާފުކޮށްދީފައިވާތީ މިއީ ދެފަރާތުން އެނގިގެން ގެނެވިފައިވާ ބަދަލެއްކަން ޝަރީޢަތަށް ޤަބޫލުކުރެވޭތީ މިކަމުގެ ނަތީޖާއަށްވެސް ދެފަރާތުން އެއްބަސްވާކަމަށް އެނގެން އޮންނަކަމަށް ނިންމާފައިވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) އާ ޚިލާފަށްކަން.

11.2 13 ފެބްރުއަރީ 2022 ގައި އެއްބަސްވުން ބާޠިލްކަމަށް ކަނޑައަޅައި ފޮނުވާފައިވާ ނޯޓިސްތައް ފޮނުވާފައިވަނީ އެއްބަސްވުމުގައިވާ ގޮތަށްކަމަށް ކަނޑައަޅާފައިވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) އާ ޚިލާފަށްކަން.

11.3 އެއްބަސްވުން ބާޠިލްވާ ޙާލަތުގައި ޝަރީޢަތުން ހަމައެކަނި ނަގައިދެވޭނެ ބަދަލަކީ، ޢިމާރާތް ތަރައްޤީކުރުމަށް ކޮށްފައިވާ ޚަރަދާއި، މަސައްކަތުގެ ޚަރަދުކަމަށް ކަނޑައަޅާފައިވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) އާއި 23 ވަނަ މާއްދާގެ (ނ) އާއި ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/95 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފަށްކަން. މިއެވެ.

12ހައިކޯޓުގެ ނަންބަރު 2023/HC-A/381 ޤަޟިއްޔާގައި މަރްޔަމް ނަޝީދާގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވަނީ އެންމެ ނުކުތާއެކެވެ. އެ ނުކުތާއަކީ؛

12.1- އެއްބަސްވުމުގެ ދަށުން މަރްޔަމް ނަޝީދާއަށް ލިބެންޖެހޭ ފަސްވަނަ ފްލޯރ ޙަވާލުކުރަންޖެހޭ މުއްދަތަށް ޙަވާލުނުކުރުމުގެ ސަބަބުން މަރްޔަމް ނަޝީދާއަށް ލިބެންޖެހޭ -18000 (އަށާރަ ހާސް) ރުފިޔާ ލިބިދިނުމަށް އެ ފަރާތުން ސިވިލް ކޯޓުގައި އެދިފައިވާއިރު، އެއްބަސްވުން ބާޠިލްކުރި ދުވަހާ ހަމައަށް މަރްޔަމް ނަޝީދާއަށް ލިބެންޖެހޭ -327000 (ތިންލައްކަ ހަތާވީސް ހާސް) ރުފިޔާ މިހިނދަށް ނަގައިދެވޭނެ ތަނެއް ނެތްކަމަށް ކަނޑައަޅާފައިވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) އާ ޚިލާފަށްކަން. މިއެވެ.

13މައުމޫން ޙުސައިންފުޅުގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށާއި، މަރްޔަމް ނަޝީދާގެ ފަރާތުން އިތުރު އިސްތިއުނާފުގެ ގޮތުގައި ހުށަހެޅި ނުކުތާގެ މައްޗަށް ރިޢާޔަތްކޮށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 1383/Cv-C/2022 ޤަޟިއްޔާގެ ޙުކުމަށް ބަދަލެއް ގެންނަންޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތް ކަމަށް ކަނޑައަޅައެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިސްތިއުނާފު

14ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމާމެދު ހިތްހަމަނުޖެހިގެން، މައުމޫން ޙުސައިންފުޅުގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ.

15ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން އިސްތިއުނާފުކުރުމަށް އެދި މައުމޫން ޙުސައިންފުޅުގެ ފަރާތުން 3 (ތިނެއް) ނުކުތާއެއް ހުށަހަޅާފައިވެއެވ. އެ 3 (ތިނެއް) ނުކުތާއަކީ؛

15.1- ސިވިލް ކޯޓުގެ ޙުކުމުގައި މަރްޔަމް ނަޝީދާގެ ފަރާތުން އިތުރު އެޕާރޓްމަންޓެއް ހެދިގެން ބަދަލެއްކަން ޝަރީޢަތަށް ޤަބޫލުކުރެވޭތީ މިކަމުގެ ނަތީޖާއަށްވެސް ދެފަރާތުން އެއްބަސްވާކަމަށް އެނގެން އޮންނަކަމަށް ނިންމާފައިވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) އާ ޚިލާފަށްކަމަށް ބުނެ މައުމޫން ޙުސައިންފުޅުގެ ފަރާތުން ހައިކޯޓަށް ހުށަހެޅި ނުކުތާއާމެދު ހައިކޯޓުން ގޮތް ނިންމާފައިވަނީ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) އާއި، ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/100 ޤަޟިއްޔާއާ ޚިލާފަށްކަން.

15.2- ހައިކޯޓުގެ ޙުކުމުގައި، އެއްބަސްވުމުގެ ދަށުން ޢިމާރާތް ނިންމާ ޙަވާލުކުރަންޖެހޭ ތާރީޚަކީ 16 ޑިސެންބަރު 2019 ކަމަށް ސިވިލް ކޯޓުގެ ޙުކުމުގައި ކަނޑައަޅާފައިނުވާ ކަމަށާއި، އެއްބަސްވުމުގައި ޢިމާރާތް ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތު ދެ ފަރާތުން ރުހިގެން އިތުރުކޮށްފައިވާކަމަށް ދަށު ކޯޓުގެ ފަނޑިޔާރު ކަނޑައަޅާފައިވާ ކަނޑައެޅުމަށް ހައިކޯޓުން ރިޢާޔަތްކޮށް އެ ކަމަށް ހައިކޯޓުން ތާއީދުކުރި އިރު، މުއްދަތު އިތުރުކޮށްފައިވާ ގޮތެއް އަދި މުއްދަތެއްވިޔަސް އެނގެން ނެތްއިރު، އެ ނިންމުމަށް ފަނޑިޔާރު ވާސިލުވި ގޮތެއް ސަބަބާއެކު ތަފްސީލުކޮށްދީފައި ނުވާތީ އެ ނިންމުމަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ

(ހ) އާއި، ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) އާއި، ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/100 ޤަޟިއްޔާއާއި ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/49 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަން.

15.3- ސިވިލް ކޯޓުގެ ނިންމުމުގައި އެއްބަސްވުން ބާޠިލުކަމަށް އަންގައި ފޮނުވާފައިވާ ނޯޓިސްތައް ފޮނުވާފައިވަނީ އެއްބަސްވުމާ އެއްގޮތަށް ކަމަށް ވުމުން އެއްބަސްވުން ބާޠިލްވެފައިވާ ކަމަށް ކަނޑައަޅާފައިވަނީ، އެއްބަސްވުން ބާޠިލްކުރުމުގައި ޢަމަލުކުރަންޖެހޭ ކަމަށް އެއްބަސްވުމުގައި ކަނޑައަޅާފައިވާ އިޖުރާއަތުތަކާ ޚިލާފަށްކަމަށްވާއިރު އެ ކަންކަމަށް ރިޢާޔަތްނުކޮށް-ހައިކޯޓުން މައްސަލަ ނިންމާފައިވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާއާއި ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/85 ޤަޟިއްޔާއާއި، ނަންބަރު 2022/SC-A/25 ޤަޟިއްޔާއާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

16މި ކަންކަން ފާހަގަކުރުމަށްފަހު، މައުމޫން ޙުސައިންފުޅުގެ ފަރާތުން އެދިފައިވަނީ، ހައިކޯޓުގެ ނަންބަރު 2023/HC-A/344,381 ނަންބަރު ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ ބާޠިލް ޙުކުމެއްކަމުގައި ކަނޑައަޅައި، ސިވިލް ކޯޓުގެ ނަންބަރު 1383/Cv-C/2022 ޤަޟިއްޔާ އަލުން ބެލުމަށް އެ ކޯޓަށް ތަޙްވީލްކޮށްދިނުމަށެވެ.

17މި މައްސަލައިގައި މައުމޫން ޙުސައިންފުޅުގެ ފަރާތުން ޙުކުމް ތަންފީޒުކުރުން ފަސްކޮށްދިނުމުގެ އަމުރަކަށް އެދުމުން މި ކޯޓުގެ ނަންބަރު 2025/SC-B4/TF/08 ޙުކުމްތަންފީޒުކުރުން ފަސްކުރުމުގެ އަމުރު ނެރެދެވިފައިވެއެވެ.

ޢިމާރާތުގެ ކުރެހުމަށް ގެނެވުނު ބަދަލާއި އޭގެ ނަތީޖާ

18ދެފަރާތުގެ ދެމެދު ސޮއިކުރެވިފައިވާ އެއްބަސްވުމުގައި ބަޔާންކުރާ ޢިމާރާތުގެ ކުރެހުމަށް ފަހުން ބަދަލުގެނެވުނުކަމާ އަދި އެ ބަދަލަކީ ދެފަރާތުން ރުހިގެން ގެނެވުނު ބަދަލެއްކަމާމެދު މި މައްސަލައިގެ ޚަޞްމުންގެ މެދުގައި ޚިލާފެއްނެތެވެ.

19ޚަޞްމުންގެ މެދުގައި ޚިލާފުއޮތީ ޢިމާރާތުގެ ކުރެހުމަށް ގެނެވުނު ބަދަލާއެކު ޢިމާރާތުގެ މަސައްކަތް ފުރިހަމަކޮށް ނިންމަންޖެހޭ މުއްދަތުގެ މައްޗަށެވެ. މަސައްކަތް ނިންމައި ޢިމާރާތް ޙަވާލުކުރަންޖެހޭ ތާރީޚަކާ މެދުގައެވެ. އަދި އެ ޚިލާފުގެ މައްޗަށް ސީދާ ވަކި މުއްދަތަކާއި ތާރީޚެއް ސިވިލް ކޯޓުން މައްސަލަ ނިންމިއިރު ކަނޑައަޅާފައިނުވާ ނުވުމުގެ މައްޗަށެވެ. މިއީ، އިސްތިއުނާފީ ފުރަތަމަ ނުކުތާއާއި އަދި ދެވަނަ ނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން އުފައްދާ ބަހުޘެވެ.

20ބުނެވިދިޔަ ބަހުޘް އިތުރަށް ތަފްސީލުކުރަމުން މައުމޫން ޙުސައިންފުޅުގެ ފަރާތުން ފާހަގަކޮށްފައިވަނީ، ދެފަރާތުގެ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން ޢިމާރާތުގެ މަސައްކަތް ޙަވާލުކުރަންޖެހޭ ތާރީޚަކީ 16 ޑިސެންބަރު 2019 ކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވީނަމަވެސް، ޢިމާރާތުގެ ކުރެހުމަށް ބޮޑެތި ބަދަލު ގެނައިސްފައިވާ ކަމަށެވެ. އެއްބަސްވުމާއެކު އެޓޭޗްކުރެވިފައިވާ ކުރެހުމަށް ބަދަލުގެނައިސްފައިވާ ކަމާމެދު ދެފަރާތުގެ ދެމެދު ޚިލާފެއް ނެތްކަމާއި އަދި އެބަދަލު އެއްބަސްވުމަށް ގެނައިސްފައިވަނީ ދެފަރާތުން ރުހިގެން ކަމާމެދުވެސް ޚިލާފެއް ނެތްކަމަށެވެ. ޓެރަސް ފްލޯއަށް އިތުރުކުރެވުނު އެޕާޓްމަންޓާއެކު 05 ޖުލައި 2020 ގައި ފާސްކުރެވުނު ކުރެހުން، މައުމޫން ޙުސައިންފުޅާ ޙަވާލުކޮށްފައިވަނީ 09 އޮގަސްޓް 2020 ގައި ކަމަށެވެ. ކުރެހުމަށް މިގެނެވުނު ބަދަލަކީ އެއްބަސްވުމުގައި މަސައްކަތް ފުރިހަމަކޮށް ޢިމާރާތް ހަވާލުކުރައްޖެހޭ ކަމަށް ބަޔާންކޮށްފައިވާ މުއްދަތު ފަހަނައަޅާ ދިޔަފަހުން ގެނެވުނު ބަދަލަކަށްވީއިރު އެބަދަލާއެކު، މަސައްކަތް ނިންމައި ޢިމާރާތް ޙަވާލުކުރަންޖެހޭ ވަކި މުއްދަތަކާމެދު ދެފަރާތުން ވަކިގޮތަކަށް އެއްބަސްވެފައި ނުވާކަމަށެވެ.

21ބުނެވިދިޔަ ކަންކަން އެގޮތުގެ މަތިން ހުރިކަން ދަށުކޯޓުގައި މައްސަލަ ބެލި ފަނޑިޔާރުވެސް ފާހަގަކޮށްފައިވާ ކަމަށާއި، އެގޮތުން، ސިވިލް ކޯޓުގެ ނަންބަރު 1383/Cv-C/2022 ޤަޞިއްޔާގެ ފާހަގަކުރެވޭ ނުކުތާތަކުގެ 5.2.5 ވަނަ ޕެރެގްރާފުގައި، ޓެރަސް ފްލޯގައި އިތުރު އެޕާޓްމަންޓެއް ހެދިގެން ދާނެކަން އެނގި ސާފުވެ އެކަމަށް އެއްބަސްވެފައިވާކަން އިސްތިއުނާފު ރައްދުވާ ފަރާތުގެ ބަހުން އެނގެން އޮތަތީ، މިއީ ދެ ފަރާތުން އެއްބަސްވެގެން ގެނެސްފައިވާ ބަދަލެއްކަން ޝަރީޢަތަށް ޤަބޫލުކުރެވޭ ކަމަށްބަޔާކޮށްފައިވާކަމަށް މައުމޫން ޙުސައިންފުޅުގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.

22މި ނުކުތާގައި މައުމޫން ޙުސައިންފުޅުގެ ފަރާތުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ، އެއްބަސްވުމުގައި ބަޔާންކުރާ ކުރެހުމަށް ގެނުވުނު ބަދަލަކީ ދެ ފަރާތުން އެއްބަސްވެގެން ގެނައިސްފައިވާ ބަދަލެއްކަމަށް ޝަރީޢަތުން ކަނޑައަޅާފައިވާއިރު، އެ ކަނޑައެޅި ކަނޑައެޅުމާގުޅިގެން މި އެއްބަސްވުމުގެ ނަތީޖާއަށްވެސް އިސްތިއުނާފުކުރާ ފަރާތުން އެއްބަސްވާކަން އެނގެން އޮންނަކަމަށް ބުނެ ސިވިލް ކޯޓުގެ ނަންބަރު 1383/Cv-C/2022 ސަރީޢަތަށް ފާހަގަކުރެނު ނުކުތާތަކުގެ 5.2.5 ވަނަ ޕެރެގްރާފުގައި ފާހަގަކޮށްފައި އޮތް އޮތުމުގެ މާނައަކީ، އިސްތިއުނާފު ރައްދުވާ ފަރާތުން ބުނާ ގޮތަށް ކުރެހުމަށް ގެނެވުނު ބަދަލާއެކުވެސް 16 ޑިސެންބަރު 2019 ގައި ތަން ހަވާލުކުރާނެކަމަށް އިސްތިއުނާފުކުރާ ފަރާތުން އެއްބަސްވެފައިވާ ކަމަށް ކަނޑައެޅުން ކަމަށެވެ.

23އޭގެ އިތުރުން، ދެފަރާތުން ރުހިގެން އެއްބަސްވުމުގެ މުއްދަތަށް ބަދަލު ގެނެސްފައިވާކަމަށް ދަށު ކޯޓުގެ ފަނޑިޔާރު ކަނޑައެޅުއްވިއިރު، މުއްދަތު އިތުރުކޮށްފައިވާގޮތާއި، އިތުރުކުރި މުއްދަތަކީ ކިހާ ދުވަހެއްކަން އެއްބަސްވުމުގެ ބައިވެރިންގެ ބަހުން ސާފުވާން ނެތްއިރު، އެ ނިންމުމަށް ފަނޑިޔާރު ވާޞިލުވި ގޮތް ސަބަބާއެކު ތަފްޞީލުކޮށްފައި ނުވާކަމަށް މައުމޫން ޙުސައިންފުޅުގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.

24ސިވިލް ކޯޓުގެ ނިންމުމަކީ، ކޮންޓްރެކްޓާބެހޭ ޤާނޫނު ގެ 20 ވަނަ މާއްދާގެ (ހ) އާ ޚިލާފު ނިންމުމެއް ކަމަށް ބުނެ މައުމޫން ޙުސައިންފުޅުގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި އިސްތިއުނާފީ ނުކުތާގެ މައްޗަށް ހައިކޯޓުން ނިންމި ނިންމުމަކީ، ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން ޤަޟިއްޔާއާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް މައުމޫން ޙުސައިންފުޅުގެ ފަރާތުން ބުނެފައިވެއެވެ.

25މި ނުކުތާގެ ދިފާޢުގައި އިސްތިއުނާފު ރައްދުވާ މަރްޔަމް ނަޝީދާގެ ފަރާތުން ޖުމްލަ ގޮތެއްގައި ފާހަގަކޮށްފައިވަނީ، ޢިމާރާތުގެ ކުރެހުމަށް ބަދަލުގެސްފައިވަނީ، ދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުގެ ދަށުން ޢިމާރާތުގެ މަސައްކަތް ފުރިހަމަކޮށް ޙަވާލުކުރަންޖެހޭ މުއްދަތުވެސް ފާއިތުވެ ދިޔަފަހުން ކަމާއި، ސިވިލް ކޯޓުގެ ޤަޞިއްޔާގެ 5.2.5 ގައި ބަޔާންކޮށްފައި އޮތީ ކުރެހުމަށް ބަދަލު ގެނައިކަމާއި، އެ ބަދަލުތަކާ ގުޅިގެން ހުއްދަ ހޯދުމަށާއި، އެހެން ކަންކަމަށް އިސްތިއުނާފުކުރާ ފަރާތަށް ބޭނުންވާނެ އެއްބާރުލުން އިސްތިއުނާފު ރައްދުވާ ފަރާތުން ދީފައިވުމާއި، ކުރެހުމަށް ގެނެވުނު ބަދަލާ ގުޅިގެން ޓެރަސް ފްލޯގައި އިތުރު އެޕާޓްމަންޓެއް ހެދިގެން ދާނެކަން އިސްތިއުނާފު ރައްދުވާ ފަރާތަށްވެސް އެނގޭތީ އެއީ، ދެފަރާތުން ރުހިގެން އެއްބަސްވުމަށް ގެނެސްފައިވާ ބަދަލެއްކަން ޝަރީޢަތަށް ޤަބޫލުކުރެވޭ ކަމަށެވެ.

26އަދި މިނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން އުފައްދާ ބަހުސްކަމުގައިވާ ”މި ބަދަލާއެކު އެ އެއްބަސްވުމުގެ ދަށުން ނިކުންނާނެ ނަތީޖާ އިސްތިއުނާފުކުރާ ފަރާތަށްވެސް އެނގޭނެ ކަމަށް،“ ނިންމާފައިވަނީ އެއްވެސް ހެއްކަކަށް ބިނާކޮށްގެން ނޫންކަމަށް ބުނި ނަމަވެސް، އެއްބަސްވުމުގެ ދަށުން ކުރެހުމަށް ބަދަލު ގެނައުމުން އެ ބަދަލާ އެއްގޮތަށް ބަދަލު ގެނެވުނު ޢިމާރާތުގެ ބައިތަކުގެ މަސައްކަތް ކުރަންޖެހޭނެކަމާއި، ޓެރަސް ފްލޯއަށް އިތުރުކުރެވުނު އެޕާޓްމަންޓުގެ މަސައްކަތް ކުރަންޖެހޭނެކަމާއި، އެއީ އެ ބަދަލުން އަންނާނެ ނަތީޖާކަމަށާއި އެކަން ސާބިތުކުރުމަށް އިތުރު އާ ހެކިތަކެއް ހުށަހަޅަންޖެހޭ ކަމެއް ނޫންކަމަށެވެ.

27މީގެ އިތުރުން، ސިވިލް ކޯޓުގެ ނަންބަރު 1383/Cv-C/2022 ޤަޟިއްޔާގެ ޝަރީޢަތަށް ފާހަގަކުރެނު ނުކުތާތަކުގެ 5.2.5 ވަނަ ޕެރެގްރާފުގައި ބަޔާންކޮށްފައިވާ ބަޔާންކުރުމަކީ، މަސައްކަތް ނިންމަންޖެހޭ މުއްދަތާ ގުޅޭ ގޮތުން ފާހަގަކޮށްފައި އޮތް އޮތުމެއް ކަމަށް ބުނާ ބުނުމަކީ، އިސްތިއުނާފުކުރާ ފަރާތުގެ އަމިއްލަ ތަރުޖަމާއެއްކަމަށެވެ. އެއީ، އެ ޕެރެގްރާފުގައި ކޯޓުން ބަޔާންކޮށް ކަނޑައަޅާފައިވާ ކަމެއްވެސް ނޫންކަމަށެވެ.

28އެއްބަސްވުމުގައި ޢިމާރާތް ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތު ދެ ފަރާތުން ރުހިގެން އިތުރުކޮށްފައިވާކަމަށް ދަށު ކޯޓުގެ ފަނޑިޔާރު ކަނޑައަޅާފައިވާ ކަނޑައެޅުމަށް ހައިކޯޓުން ރިޢާޔަތްކޮށް އެ ކަމަށް ހައިކޯޓުން ތާއީދުކުރި އިރު، މުއްދަތު އިތުރުކޮށްފައިވާ ގޮތެއް އަދި މުއްދަތެއްވިޔަސް އެނގެން ނެތްއިރު، އެ ނިންމުމަށް ފަނޑިޔާރު ވާސިލުވި ގޮތެއް ސަބަބާއެކު ތަފްސީލުކޮށްދީފައި ނުވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރި ނުކުތާއަށް ބަލާއިރު، ސިވިލް ކޯޓުގެ ނިންމުމުގެ

5.2.7 ގައި އަދި ހައިކޯޓުގެ ނިންމުމުގެ 24 ވަނަ ޕެރެގްރާފްގައި ބަޔާންކޮށްފައިވާ ކަންކަމަށް ބަލާއިރު، ދަށު ކޯޓުގެ ފަނޑިޔާރުގެ ނިންމުމުގައި ޢިމާރާތްކުރުމުގެ މުއްދަތު ދެފަރާތުން ރުހިގެން އިތުރުކޮށްފައިވާ ކަމަށް ފަނޑިޔާރު ކަނޑައަޅާފައިވަނީ މައްސަލާގައި ކުރެހުން އެޕްރޫވްކުރި ތާރީޚާއި އަދި އެ ތާރީޚަށްފަހު 12 (ބާރަ) މަސް ދުވަސް ފަހުން އިސްތިއުނާފު ރައްދުވާ ފަރާތުން އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުދާތީ އެކަން އިޞްލާޙުކުރުމަށް އެދި 20 ސެޕްޓެންބަރު 2021 ގައި ނޯޓިސް ފޮނުވާފައިވާތީ، އެކަމަށް ރިއާޔަތްކޮށްގެންކަން އެނގޭކަމަށެވެ.

29އެއްބަސްވުމުގެ ދަށުން ފުރިހަމަކުރަންޖެހޭ މަސައްކަތުގެ މުއްދަތާ ގުޅޭގޮތުން އިސްތިއުނާފުކުރާ ފަރާތުން ތަރުޖަމާކުރަނީ، ޢިމާރާތުގެ ކުރެހުމަށް ބަދަލުގެނައުމުން ދެން ޢިމާރާތް ނިންމަންޖެހޭ މުއްދަތެއް ނެތްކަމަށެވެ. ދެފަރާތުން ލިޔުމުން އެއްބަސްނުވާހާ ހިނދެއްގައި ދެން ޢިމާރާތުގެ މަސައްކަތް ނިންމަންޖެހޭނެ މުއްދަތެއް ނޯންނާނެ ކަމަށެވެ. ނަމަވެސް މިއީ އެއްބަސްވުން މާނަކުރުމުގެ އާންމު ހަމަތަކާވެސް ޚިލާފު މާނަކުރުމެއް ކަމަށެވެ.

30މި ރައުޔުގެ 15 ވަނަ ޕެރެގްރާފުގައި އަހުރެން ފާހަގަކޮށްފައިވާ ފަދައިން އިސްތިއުނާފުކުރާ ފަރާތުގެ އިސްތިއުނާފީ ފުރަތަމަ ދެނުކުތާގެ ބަހުސަކީ، ދެފަރާތުގެ ދެމެދު ސޮއިކުރެވިފައިވާ އެއްބަސްވުމުގެ ދަށުން ޢިމާރާތުގެ މަސައްކަތް ފުރިހަމަކޮށް ނިންމަންޖެހޭ މުއްދަތުގެ މައްޗަށް ފާހަގަކޮށްފައިވާ އިސްތިއުނާފީ ނުކުތާތަކެވެ. އެ ނުކުތާތަކުގައި ފާހަގަކޮށްފައިވާ ބަހުސް ބިނާކޮށްފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު 1383/Cv-C/2022 ޤަޟިއްޔާގެ ޝަރީޢަތަށް ފާހަގަކުރެނު ނުކުތާތަކުގެ 5.2.5 ވަނަ ޕެރެގްރާފުގައި، ”...މިއީ ދެފަރާތުން އެއްބަސްވެގެން ގެނެވިފައިވާ ބަދަލެއްކަމަށް ޝަރީޢަތަށް ޤަބޫލުކުރެވޭކަމާއި، މި އެއްބަސްވުމުގެ ދަށުން ނިކުންނާނެ ނަތީޖާއަށްވެސް ދަޢުވާލިބޭ ފަރާތުން އެއްބަސްވާކަން އެނގެން އޮންނަކަން.“ މިފަދައިން ދަށު ކޯޓުގެ ފަނޑިޔާރު ފާހަގަކޮށްފައި އޮތް އޮތުމުގެ މައްޗަށެވެ.

31HN1ސިވިލް ކޯޓުގެ ނަންބަރު 1383/Cv-C/2022 ޤަޟިއްޔާއާ ގުޅިގެން ޝަރީޢަތަށް ހުށަހެޅުނު ލިޔެކިޔުންތަކަށާއި، މައްސަލައާ ގުޅިގެން ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި އަދި އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ފަނޑިޔާރު ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު، މި ނުކުތާގައި ހަވާލާމިދޭ ޕެރެގްރާފުގެ އެ ޖުމްލާގައި ”ދަޢުވާލިބޭ ފަރާތް“ ބަޔާންކޮށްފައި އޮތް އޮތުމަކީ، އޮޅުމަކުން ދަށު ކޯޓުގެ ފަނޑިޔާރަށް ލިޔެވިފައި އޮތް އޮތުމެއް ކަމަށް އަހުރެންނަށް ބުރަވެއެވެ. އަދި އޭގެ ރަނގަޅު ގޮތަކީ ”ދަޢުވާކުރާ ފަރާތް“ ލިޔުން ކަމަށް އަހުރެން ދެކެމެވެ. އެގޮތަށް އަހުރެންނަށް ބުރަވެވޭ ސަބަބުތައް ތިރީގައި މި ބަޔާންކުރަނީއެވެ. ދަށުކޯޓަށް ހުށަހެޅުނު ދަޢުވާއާއި އެ ދަޢުވާގެ ރައްދު ބިނާކޮށްފައިވާ ގޮތް

32މަރްޔަމް ނަޝީދާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާގައި، ދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން މަސައްކަތް ނިންމައި ޢިމާރާތް ޙަވާލުކުރަންޖެހޭނެ ތާރީޚެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ، އެއްބަސްވުމުގައި ބަޔާންކުރާ ތާރީޚުކަމަށްވާ 16 ޑިސެންބަރު 2019 ގެ ތާރީޚެވެ. ޢިމާރާތުގެ ކުރެހުމަށް ގެނެވުނު ބަދަލާއެކުވެސް މަސައްކަތް ފުރިހަމަކުރަންޖެހޭ ތާރީޚެއްގެ ގޮތުގައި މަރްޔަމް ނަޝީދާގެ ފަރާތުން ޤަބޫލުކުރާ ތާރީޚަކީއެއީއެވެ.

33އެގޮތުން، ސިވިލް ކޯޓަށް މަރްޔަމް ނަޝީދާ ހުށަހެޅި ދަޢުވާ ފޯމުގެ 5.1.1 ވަނަ ޕެރެގްރާފުގައި ބަޔާންކޮށްފައިވަނީ، ”ދަޢުވާކުރާ ފަރާތާއި ދަޢުވާ ރައްދުވާ ފަރާތާ ދެމެދު ވެވުނު އެއްބަސްވުމުގެ

8.1 އަދި 8.2 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، މިއެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 12 މަސްދުވަހުގެ ތެރޭގައި ގޯތީގައި ކުރަންޖެހޭ އިމާރާތުގެ މަސައްކަތް ނިންމާ ދަޢުވާކުރާ ފަރާތާ ހަވާލުކުރަންޖެހޭ ބައިބައި ޙަވާލުކޮށް ނިންމަންޖެހޭނެއެވެ. މީގެ މާނައަކީ މަސައްކަތް ނިމި ޙަވާލުކުރަންޖެހޭ ތާރީޚަކީ 2019 ޑިސެ 16 ވަނަ ދުވަހެވެ...“

34މަރްޔަމް ނަޝީދާގެ ފަރާތުން ހުށަހެޅި ދަޢުވާގެ ޖަވާބުގައި މައުމޫން ޙުސައިންފުޅުގެ ފަރާތުން 08 މެއި 2022 ގައި ހުށަހެޅި ޖަވާބު ފޯމަށް ރައްދުދެމުން މަރްޔަމް ނަޝީދާ ބުނެފައިވަނީ އެ ބަދަލު ގެނައުމަށް ދަޢުވާކުރާ ފަރާތުން ރުހުން ދީފައިވާނީ، ދަޢުވާކުރާ ފަރާތުން އިތުރު ޒިންމާއެއް އުފުލަން ނުޖެހޭގޮތަށް، އަދި އެއްބަސްވުމުގެ މުއްދަތަށް ނިމޭނެކަމަށް ޔަޤީންކަން ދިނުމުންނެވެ. އެ ބަދަލު ލިޔުމަށް ތިރިކުރެވިފައި ނުވަނީވެސް، އެ ބަދަލުގެ ސަބަބުން މުއްދަތަށް ބަދަލެއް ނާންނާނެތީއެވެ. އަދި އެކަމުން ދަޢުވާކުރާ ފަރާތް އުފުލަންޖެހޭ ޒިންމާއެއް ނެތުމުންނެވެ.

35ދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން މަސައްކަތް ނިންމައި ޢިމާރާތް ޙަވާލުކުރަންޖެހޭނެ ތާރީޚުގެ ގޮތުގައި 16 ޑިސެންބަރު 2019 ކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވީނަވެސް، ޢިމާރާތުގެ ކުރެހުމަށް ގެނެވުނު ބަދަލާއެކު މަސައްކަތް ފުރިހަމަކޮށް ތަން ޙަވާލުކުރަންޖެހޭ ވަކި ތާރީޚަކާމެދު ދެފަރާތުން ވަކި ގޮތަކަށް އެއްބަސްވެފައި ނުވާނެކަމަށް ދަޢުވާގެ ރައްދުގައި މައުމޫން ޙުސައިންފުޅުގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.

36އޭގެ އިތުރުން، ޢިމާރާތުގެ ކުރެހުމަށް ގެނެވުނު ބަދަލަކީ ދެފަރާތުން އެއްބަސްވެގެން ގެނެވުނު ބަދަލެއްކަމުގައިވާއިރު، އަލަށް ފާސްކުރެވުނު ކުރެހުން މައުމޫން ޙުސައިންފުޅާ ޙަވާލުކޮށްފައިވަނީ، 9 އޮގަސްޓް 2020 ގައި ކަމާއި، މި ތާރީޚަކީ އެއްބަސްވުމުގައި މަސައްކަތް ފުރިހަމަކޮށް ތަން ޙަވާލުކުރަންޖެހޭ ކަމަށް ބަޔާންކުރާ ތާރީޚަށްވުރެ ފަހުގެ ތާރީޚެއްކަމުގައިވާތީ، އެއްބަސްވުމުގައި ބަޔާންކުރާ ތާރީޚަށް މަސައްކަތް ފުރިހަމަ ކުރެވޭނެ ކަމަށް ބެލެވޭނެ އެއްވެސް ހަމައެއް ނެތްކަމަށް މައުމޫން ޙުސައިންފުޅުގެ ފަރާތުން ފާހަގަކޮށްފައިވެއެވެ. މަސައްކަތް ފުރިހަމަކޮށް ޢިމާރާތް ޙަވާލުކުރަންޖެހޭ ތާރީޚާގުޅޭގޮތުން ސިވިލް ކޯޓުގެ ނިންމުން

37ދެފަރާތުގެ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން މަސައްކަތް ނިންމައި ޢިމާރާތް ޙަވާލުކުރަންޖެހޭނެ ތާރީޚުގެ މައްޗަށް ދެފަރާތުގެ ވިސްނުންހުރި ގޮތް އިސްވެ ބަޔާންކުރެވުނު ނުކުތާތަކުގައި ފާހަގަކުރެވިފައި ވާނެއެވެ. ސިވިލް ކޯޓުގައި ދަޢުވާކުރި ފަރާތްކަމުގައިވާ މަރްޔަމް ނަޝީދާގެ ފަރާތުން ދެކޭގޮތުގައި ޢިމާރާތުގެ މަސައްކަތް ނިންމައި ޙަވާލުކުރަންޖެހޭ ތާރީޚަކީ އެއްބަސްވުމުގައި ބަޔާންކުރާ ތާރީޚުކަމުގައިވާ 16 ޑިސެންބަރު 2019 ގެ ތާރީޚެވެ. ދަޢުވާ ރައްދުވި މައުމޫން ޙުސައިންފުޅު ޤަބޫލުކުރާ ގޮތުން، ޢިމާރާތުގެ ކުރެހުމަށް ގެނެވުނު ބަދަލާއެކު މަސައްކަތް ފުރިހަމަކޮށް ޢިމާރާތް ޙަވާލުކުރަންޖެހޭ ވަކި މުއްދަތެއް އަދި ތާރީޚެއްވިޔަސް ދެފަރާތުގެ ދެމެދު ލިޔުމުން އެއްބަސްވެފައި ނުވާކަމަށެވެ.

38މަސައްކަތް ފުރިހަމަކޮށް ޢިމާރާތް ޙަވާލުކުރަންޖެހޭ މުއްދަތާ ގުޅޭގޮތުން ދެ ފަރާތުގެ ދެމެދު އުފެދިފައިވާ ޚިލާފުތަކާއެކު، ދެފަރާތުގެ ވާހަކަތަކަށާއި އަދި ޝަރީޢަތަށް ހުށަހެޅުނު ލިޔެކިޔުންތަކުގެ މައްޗަށް ނަޒަރުކޮށް، މި ނުކުތާގައި ސިވިލް ކޯޓުން ނިންމި ނިންމުމުން ފެންނަން އޮތީ މައްސަލަ ރައްދުވި ފަރާތްކަމުގައިވާ މައުމޫން ޙުސައިންފުޅުގެ ފޭވަރ (favor) ގައި އެފަރާތަށް ބޮޑަށް ފަހިވާގޮތަށް ނިންމާފައިވާ ކަމެވެ.

39މި ނުކުތާގައި، ދަށު ކޯޓުގެ ފަނޑިޔާރު ވިސްނުން ގެންގުޅެފައިވަނީ މައްސަލަ ހުށަހެޅި މަރްޔަމް ނަޝީދާގެ ފަރާތުން ވަކާލާތުކޮށްފައިވާ ގޮތާ އިދިކޮޅަށްކަން ދަށު ކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެއެވެ.

40އެގޮތުން، މި ނުކުތާގައި ޙަވާލާދޭ ޕެރެގްރާފަކީ ސިވިލް ކޯޓުގެ ނިންމުމުގެ 5.2 ގައި ބަޔާންކޮށްފައިވާ ”ކޮންޓްރެކްޓުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ނިޔަލަށް ޢިމާރާތްކޮށް ފުރިހަމަވެފައި ނުވުން،“ މި އަރިމަތީ ސުރުޚީގެ ދަށުން އައިސްފައިވާ ޕެރެގްރާފެކެވެ.

41މި ސުރުޚީގެ ދަށުން އޮތް ފުރަތަމަ ޕެރެގްރާފުގައި ބަޔާންކޮށްފައިވަނީ، ދެފަރާތުގެ ދެމެދު ސޮއިކުރެވިފައިވާ އެއްބަސްވުމުގެ ދަށުން ކުރަންޖެހޭ ޢިމާރާތުގެ މަސައްކަތް ކުރަންޖެހޭނީ އެ އެއްބަސްވުމުގެ ޖަދުވަލު 04 ގައިވާ ކުރެހުމާ އެއްގޮތަށް ކަމަށާއި ނަމަވެސް، އެއްބަސްވުމުގައި ސޮއިކުރިފަހުން ދެފަރާތުން ރުހިގެން އެ ކުރެހުމަށް ބަދަލު ގެނެސްފައިވާކަމެވެ.

42ދެވަނަ ޕެރެގްރާފުގައި ބަޔާންކޮށްފައިވަނީ، ޢިމާރާތުގެ ކުރެހުމަށް ގެނެވުނު ބަދަލު ކަމާބެހޭ އިދާރާތަކުން އެޕްރޫވްކޮށްފައިވަނީ 05 ޖުލައި 2020 ގެ ތާރީޚުގައިކަމަށާއި، ކުރެހުމަށް ގެނެވުނު ބަދަލާއެކު ހަތަރުވަނަ ފަންގިފިލާގެ ބަޔަކަށާއި އަދި ޢިމާރާތުގެ ޓެރަސްފްލޯގެ ކުރެހުމަށް ބަދަލު ގެނެވިފައިވާ ކަމެވެ.

43ތިންވަނަ ޕެރެގްރާފާއި ހަތަރުވަނަ ޕެރެގްރާފުގައި ކަމާގުޅުންހުރި ޤާނޫނުތަކާއި އަދި މަތީމަރުޙަލާގެ ނިންމުންތަކާ ޙަވާލާދީ ދަށުކޯޓުގެ ފަނޑިޔާރު ފާހަގަކޮށްފައިވަނީ، އެއްބަސްވުމުގައި ބަޔާންކުރާ ކަންކަން ކުރަންޖެހޭނީ އެއްބަސްވުމުގައި ވާގޮތުގެ މަތިންކަމާއި، އެނޫން ގޮތަކަށް ޢަމަލުކުރެވޭނީ އެ އެއްބަސްވުމުގެ އަނެއް ބައިވެރިޔާގެ ފަރާތުން ދުލެއްދީފި ނަމައެވެ. އޭގެ އިތުރުން، އެއްބަސްވުމާ ޚިލާފުވި ފަރާތުގެ އެ ޚިލާފަކީ އެއްބަސްވުން ނިމުމަކަށް ފުދޭ ޖައުހަރީ ޚިލާފެއްކަމުގައި ވިޔަސް އެއްބަސްވުން އޮޓަމެޓިކުން ނިމުމަކަށް ނޯންނާނެކަމާއި، ސަބަބަކީ އެ ޚިލާފަށް ބެލުމެއްނެތި އެއްބަސްވުމާއިގެން ކުރިއަށް ދިއުމަށް އެއްބަސްވުމާ ޚިލާފު ނުވާ ފަރާތަށް އިޚްތިޔާރުކުރުމުގެ ޙައްޤު ލިބިގެންވާކަމެވެ.

44އިސްތިއުނާފުކުރާ މައުމޫން ޙުސައިންފުޅުގެ ފަރާތުން ޙަވާލާދޭ ސިވިލް ކޯޓުގެ ނަންބަރު 1383/Cv-C/2022 ޤަޞިއްޔާގެ ޝަރީޢަތަށް ފާހަގަކުރެވުނު ނުކުތާތަކުގެ 5.2.5 ވަނަ ޕެރެގްރާފުގައިވަނީ، "ދަޢުވާކުރާ ފަރާތުން މި ހުއްދަ ދީފައިވަނީ އެއްބަސްވުމުގައިވާ މުއްދަތަށް ތަން ނިންމޭނެކަމަށް، ދަޢުވާލިބޭ ފަރާތުން ދީފައިވާ ޔަޤީންކަމެއްގެ މައްޗަށް ބިނާކޮށްގެންކަމަށާއި، މި ކުރެހުމާ ގުޅިގެން އެއްބަސްވުމުގެ މުއްދަތަށް ބަދަލު ނާންނާނެ ކަމަށް ބުނާއިރު، ކުރެހުން ބަދަލުކޮށް، އިދާރާތަކުން ހޯދަންޖެހޭ ހުއްދަތައް ހޯދުމަށް އެހެން ފަރާތަކަށް ދަތިވާނެކަމަށާއި، އެއްބަސްވުމުގައި ވަކި ގޮތްތަކަކަށް ކަންކަން ކުރުމަށް ބަޔާންކޮށްފައިވީނަމަވެސް، މި ކުރެހުމަށް ގެނެސްފައިވާ ބަދަލު ގެނެސް ކަމާބެހޭ އިދާރާއިން ހޯދަންޖެހޭ ހުއްދަތައް ހޯދުމަށާއި އަދި އެހެނިހެން ކަންކަމަށް ދަޢުވާލިބޭ ފަރާތަށް، ދަޢުވާކުރާ ފަރާތުން ދީފައިވާ އެއްބާރުލުމުންނާއި، މި ބަދަލާ ގުޅިގެން ޓެރަސް ފްލޯގައި އިތުރު އެޕާޓްމެންޓެއް ހެދިގެން ދާނެކަން އެފަރާތަށް އެނގި ސާފުވެ އެކަމަށް އެއްބަސްވެފައިވާކަން ދަޢުވާކުރާ ފަރާތުގެ ބަހުން އެނގެން އޮތަތީ، މިއީ ދެފަރާތުން އެއްބަސްވެގެން ގެނެވިފައިވާ ބަދަލެއްކަމަށް ޝަރީޢަތަށް ޤަބޫލުކުރެވޭކަމާއި، މި އެއްބަސްވުމުގެ ދަށުން ނިކުންނާނެ ނަތީޖާއަށްވެސް ދަޢުވާލިބޭ ފަރާތުން އެއްބަސްވާކަން އެނގެން އޮންނަކަން، މިފަދައިންނެވެ.

45ބުނެވިދިޔަ ޕެރެގްރާފު އެކުއެކީ ކިޔާލުމުން އަންނަނިވި ކަންކަން އަހުރެންނަށް ފާހަގަކުރެވެއެވެ.

45.1 ޙަވާލާދޭ ޕެރެގްރާފު ފެށުމުގަޔާއި އަދި މުޅި އެ ޕެރެގްރާފުގައިވެސް ފަނޑިޔާރު މުޚާތަބުކޮށްފައިވަނީ ދަޢުވާކުރި މަރްޔަމް ނަޝީދާއަށްކަމުގައިވުން؛

45.2 އެއްބަސްވުމުގައި ބަޔާންކުރާ ކުރެހުމަށް ބަދަލު ގެނެސްފައިވަނީ ދަޢުވާކުރި މަރްޔަމް ނަޝީދާގެ ރުހުމާއިއެކުގައިކަމެވެ. އެކަން އެފަރާތުގެ ޢަމަލުން އެނގެން އޮތުން. އެގޮތުން؛

45.3 ޢިމާރާތުގެ ކުރެހުމަށް ގެނެވުނު ބަދަލާއެކު އެ ކުރެހުން ފާސްކުރުމުގެ ގޮތުން ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ހޯދަންޖެހޭ ހުއްދަތައް ހޯދުމަށާއި އަދި އެހެނިހެން ކަންކަމަށް މައުމޫން ޙުސައިންފުޅަށް މަރްޔަމް ނަޝީދާ ދީފައިވާ އެއްބާރުލުން؛ އަދި

45.4 ޢިމާރާތުގެ ކުރެހުމަށް ގެނެވުނު ބަދަލާއެކު އެކަމުގެ ސަބަބުން ނިކުންނާނެ ނަތީޖާއަކީ، އެއްބަސްވުމުގައި ބަޔާންކުރާ މުއްދަތަށް ޢިމާރާތުގެ މަސައްކަތް ފުރިހަމަނުކުރެވުން ކަމާއި އަދި އެ ނަތީޖާއަށްވެސް މަރްޔަމް ނަޝީދާގެ ފަރާތުން އެއްބަސްވާކަމެވެ.

4616 ޑިސެންބަރު 2019 ގައި، ޢިމާރާތުގެ މަސައްކަތް ފުރިހަމަކޮށް ތަން ޙަވާލުކުރަންޖެހޭނެ ކަމަށް ބަޔާންކޮށް އެއްބަސްވުމުގައިވާ ތާރީޚުގެ މައްޗަށް ދެފަރާތުގެ ދެމެދު އޮތް ދެބަސްވުމަށް ދަށު ކޯޓުގެ ފަނޑިޔާރު ނިންމާފައިވާ ނިންމުން ވަރަށް ސާފުކޮށް ސިވިލް ކޯޓުގެ ނިންމުމުގެ 5.2.7 ގައި ބަޔާންކޮށްފައިވެއެވެ. އެއީ، ”މި މައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކުންނާއި ދެފަރާތުން ހުށަހަޅާފައިވާ ބަޔާންތަކުންނާއި ލިޔުންތަކުން ދެފަރާތުން މި އެއްބަސްވުމުގެ ދަށުން ފަސްވަނަ ފަންގިފިލާއާއި ޓެރަސް ފްލޯ ނިންމައި ޙަވާލުކުރުމަށް ބަޔާންކޮށްފައިވާ މުއްދަތު ދެފަރާތުން ރުހިގެން އިތުރުކޮށްފައިވާ ކަން އެނގެން އޮންނަކަމަށާއި“ މިފަދައިން ފާހަގަކޮށްފައި އޮތް އޮތުމެވެ.

47ދެފަރާތުން ރުހިގެން ކުރެހުމަށް ގެނެވުނު ބަދަލާއެކުވެސް މަސައްކަތް ފުރިހަމަކޮށް ޢިމާރާތް ޙަވާލުކުރަންޖެހޭ މުއްދަތަކީ ނުވަތަ ތާރީޚަކީ 16 ޑިސެންބަރު 2019 ކަމަށް ނުވަތަ އެފަދައިން ދޭހަވާފަދަ މޭރުމަކުންވިޔަސް އެއްވެސް ޕެރެގްރާފެއް ނުވަތަ ޖުމްލައެއްވިޔަސް ސިވިލް ކޯޓުގެ ނިންމުމުން އަހުރެންނަކަށް ފާހަގައެއް ނުކުރެވެއެވެ.

48މި ނުކުތާގައި އިސްތިއުނާފުކުރާ މައުމޫން ޙުސައިންފުޅުގެ ފަރާތުން ފާހަގަކުރާ ދެވަނަ ކަމަކީ، އެއްބަސްވުމުގައި ބަޔާންކުރާ މުއްދަތު ދެފަރާތުން ރުހިގެން އިތުރުކޮށްފައިވާ ކަމަށް ދަށު ކޯޓުގެ ފަނޑިޔާރު ކަނޑައެޅިއިރު، އިތުރުކުރި މުއްދަތަކީ ކޮބައިކަމެއް ދަށު ކޯޓުގެ ނިންމުމުން އެނގެން ނެތުމެވެ.

49HN2ދެފަރާތުން ރުހިގެން އެއްބަސްވުމުގައި ބަޔާންކުރާ މުއްދަތު އިތުރުކޮށްފައިވާ ކަމަށް ދަށު ކޯޓުގެ ފަނޑިޔާރު ކަނޑައަޅާފައިވެއެވެ. ނަމަވެސް، އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރާ ގޮތަށް އިތުރުކުރި ސީދާ މުއްދަތެއް ބަޔާންކޮށްފައިނުވެއެވެ.

50އިތުރުކުރި މުއްދަތު ސާފުކޮށް ރިޕޯޓުގައި ބަޔާންކޮށްފައި ނުވިނަމަވެސް، ދެފަރާތުން ޢަމަލުކޮށްފައިވާ ގޮތުގެ މައްޗަށް ރިޢާޔަތްކޮށް އިތުރުކުރި މުއްދަތަކީ 12 (ބާރަ) މަސް ދުވަސްކަން ދަށު ކޯޓުގެ ނިންމުމަށް ބެލުމުން އެނގެން އޮވެއެވެ.

51އެގޮތުން، ސިވިލް ކޯޓުގެ ނިންމުމުގެ 5.2.7 ގައި، ”...މި މައްސަލައިގައި ދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމުގައިވާ ޗާޓަށް ބަދަލު ގެނެވި، 2020 ޖުލައި 05 ވަނަ ދުވަހު ޗާޓު އަލުން އެޕްރޫވްކުރެވިފައިވާކަން އެނގެން އޮންނާތީއާއި އަދި ބުނެވިދިޔަ ތާރީޚުން ފެށިގެން 12 (ބާރަ) މަސް ދުވަސް ފަހުން ދަޢުވާކުރާ ފަރާތުން ޢިމާރާތުގެ މަސައްކަތްތައް އެއްބަސްވުމުގެ ދަށުން ހިނގަމުން ނުދާތީ އެ ކަންކަން އިޞްލާޙުކުރުމަށް އެދި 2021 ސެޕްޓެންބަރު 20 ވަނަ ދުވަހު ދަޢުވާލިބޭ ފަރާތަށް އަންގާފައިވާ އެންގުމުން އެނގެއެވެ.“

52އަދި އެ ނިންމުމުގެ 5.2.8 ގައި ”މިގޮތުން އެއްބަސްވުމުގެ ދަށުން ނިންމަންޖެހޭ ތާރީޚަށް ނިންމަންޖެހޭ އިލްތިޒާމެއް ނުނިންމައި ހުރުމުގެ ސަބަބުން، އެއްބަސްވުމުގެ ދަށުން އަންގަންޖެހޭ އެންގުމެއް އެންގުމަކީ އަނެއް ފަރާތުގެ ޒިންމާއެކެވެ. އެހެނީ އެއްބަސްވުމުގެ އަނެއް ފަރާތުން ހަނު ހުރުން އެއީ އެކަންކަމަށް ރުހިގެން ހުރުން ކަމުގައި ޝަރީޢަތަށް ބުރަވެއެވެ.“ މި ފަދައިން ފަނޑިޔާރު ފާހަގަކޮށްފައިވެއެވެ.

53އިސްވެ ބަޔާންކުރެވުނު ޕެރެގްރާފުތަކުން ކުރެހުމަށް ގެނެވެނު ބަދަލާއެކު، އެބަދަލު ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ފާސްކޮށް މައުމޫން ޙުސައިންފުޅު ޙަވާލުކުރި ތާރީޚުގެ 12 (ބާރަ) މަސް ދުވަސް ފަހުން މަސައްކަތް ފުރިހަމަ ކޮށްފައިނުވާތީ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ފޮނުވި ނޯޓިސްއަށް މައުމޫން ޙުސައިންފުޅުގެ ފަރާތުން އިންކާރުކޮށްފައިނުވާކަން ފަނޑިޔާރު ފާހަގަކޮށްފައި ވެއެވެ. އޭގެ ނަތީޖާއަކީ، ޢިމާރާތުގެ ކުރެހުމަށް ގެނެވުނު ބަދަލާއެކު އެއްބަސްވުމަށް އިތުރުކުރެވުނު މުއްދަތަކީ 12 (ބާރަ) މަސް ދުވަސްކަމަށް އެއްބަސްވުމުގެ ބައިވެރިންވެސް ޤަބޫލުކުރުމެވެ.

54އެހެންކަމުން، ޢިމާރާތުގެ މަސައްކަތް ފުރިހަމަކޮށް ޢިމާރާތް ޙަވާލުކުރަންޖެހޭ މުއްދަތާ ގުޅޭގޮތުން ސިވިލް ކޯޓުން ނިންމި ނިންމުމާއި އަދި އެނިންމުމަށް ތާއިދުކޮށް ހައިކޯޓުން ނިންމި ނިންމުމުގައި ޤާނޫނީ ގޮތުން ގޯހެއް ހަދާފައިވާ ކަމަށް ބެލެވެން ނެތެވެ. އެއްބަސްވުން ބާޠިލުކުރުމަށް އަންގައި ފޮނުވި ނޯޓިސްއާގުޅޭ

55އިސްތިއުނާފީ ތިންވަނަ ނުކުތާގައި މައުމޫން ޙުސައިންފުޅުގެ ފަރާތުން ފާހަގަކޮށްފައިވަނީ ސިވިލް ކޯޓުގެ ނިންމުމުގައި އެއްބަސްވުން ބާޠިލުކަމަށް އަންގައި ފޮނުވާފައިވާ ނޯޓިސްތައް ފޮނުވާފައިވަނީ އެއްބަސްވުމާ އެއްގޮތަށް ކަމަށް ވުމުން އެއްބަސްވުން ބާޠިލްވެފައިވާ ކަމަށް ކަނޑައަޅާފައިވަނީ، އެއްބަސްވުން ބާޠިލްކުރުމުގައި ޢަމަލުކުރަންޖެހޭ ކަމަށް އެއްބަސްވުމުގައި އިޖުރާއަތުތަކާ ޚިލާފަށްކަމަށްވާއިރު އެކަންކަމަށް ރިޢާޔަތްނުކޮށް ހައިކޯޓުން މައްސަލަ ނިންމާފައިވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާއާއި، ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/85 ޤަޟިއްޔާއާއި، ނަންބަރު 2022/SC-A/25 ޤަޟިއްޔާއާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

56މި ނުކުތާ އިތުރަށް ތަފްޞީލުކުރަމުން މައުމޫން ޙުސައިންފުޅުގެ ފަރާތުން ފާހަގަކޮށްފައިވަނީ، ދެ ފަރާތުން ވެފައިވާ އެއްބަސްވުމުގެ 20 ވަނަ މާއްދާގައި އެއްބަސްވުން ބާޠިލުކުރެވޭނެ އިޖުރާއަތު ބަޔާންކޮށްފައިވާކަމާއި، އެ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން އެއްބަސްވުމާ ޚިލާފުވެއްޖެނަމަ އެކަމެއް ރަނގަޅުކުރަން 30 (ތިރީސް) ދުވަހުގެ މުއްދަތެއް ދޭންވާނެ ކަމަށެވެ.

57ރަނގަޅުކުރަން ނުވަތަ އިޞްލާޙުކުރަން އަންގާ ކަމަކީ 30 (ތިރީސް) ދުވަހުގެ ތެރޭގައި ރަނގަޅުކުރެވޭނެ ކަމެއްކަމަށް ނުވާނަމަ އެކަމެއް ރަނގަޅުކުރާނެ މުއްދަތަކާމެދު ދެފަރާތުން އެއްބަސްވާން ވާނެކަމަށް އެއްބަސްވުމުގެ 20.3 ގައި ބަޔާންކޮށްފައިވާ ކަމަށެވެ.

58ޢިމާރާތްކުރުމާ ގުޅޭގޮތުން އިޞްލާޙުކޮށް ރަނގަޅުކުރަން ބުނެފައިވާ ކަންކަން އިޞްލާޙުކޮށް ކުރަންޖެހޭ މަސައްކަތް ރަނގަޅުކުރުމަށް 30 (ތިރީސް) ދުވަހަށް ވުރެ ގިނަ ދުވަސް ހޭދަވާނެކަމަށް އިސްތިއުނާފު ރައްދުވާ މަރްޔަމް ނަޝީދާއަށް ފެންނަކަމަށް އެ ފަރާތުން 06 ޖަނަވަރީ 2022 ގައި ފޮނުވާފައިވާ ލިޔުމުގެ 2.2.2 ގައި ބަޔާންކޮށްފައިވާތީ، ދެފަރާތުގެ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމުގެ 20.3 ގައި ބަޔާންކުރާ ގޮތުން ދެން އޮތީ އިޞްލާޙުކުރަން ހުރި ކަންކަން އިޞްލާޙުކުރުމާ ގުޅޭގޮތުން ދެފަރާތުން މުއްދަތަކަށް އެއްބަސްވުން ކަމަށެވެ.

59އެގޮތުން، މައުމޫން ޙުސައިންފުޅުގެ ފަރާތުން މަރްޔަމް ނަޝީދާއަށް ދެ ގޮތެއް ހުށަހެޅި ކަމަށެވެ. އެއީ، ޢިމާރާތުގެ މަސައްކަތް ނިންމަން އިތުރު 08 (އަށެއް) މަސް ދުވަހުގެ މުއްދަތެއް ދިނުމާއި މަރްޔަމް ނަޝީދާއަށް ނުދެވިހުރި ފައިސާ ދިނުމުގެ ގޮތުން ޢިމާރާތުން މައުމޫން ޙުސައިންފުޅަށް ދިގުމުއްދަތަށ ލިބިފައިވާ ފްލޯއެއް މަރްޔަމް ނަޝީދާއާ ޙަވާލުކޮށް އެ ފްލޯ ކުއްޔަށްދީގެން ފައިސާ ހޯދުމާއި ނުވަތަ މައުމޫން ޙުސައިންފުޅުގެ ފަރާތުން އެހާތަނަށް ކޮށްފައިވާ ޚަރަދު އަނބުރާ ދީ ދެ ފަރާތުގެ ދެމެދު އޮތް އެއްބަސްވުން ނިމުމަކަށް ގެނައުމެވެ.

60އެހެންކަމުން، ދެފަރާތުގެ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމުގެ 20.3 ގައި ބަޔާންކުރާ ގޮތަށް ޢަމަލުކުރުމެއްނެތި ދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުން ބާޠިލުކުރުމަށް މަރްޔަމް ނަޝީދާގެ ފަރާތުން ފޮނުވި ނޯޓިސްއަކީ، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ފޮނުވާފައިވާ ނޯޓިސްއެއް ކަމަށެވެ.

61މި ނުކުތާގެ ރައްދުގައި އިސްތިއުނާފު ރައްދުވާ މަރްޔަމް ނަޝީދާގެ ފަރާތުން ޖުމްލަގޮތެއްގައި ފާހަގަކޮށްފައިވަނީ، ދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުން ބާޠިލުކޮށް ފޮނުވި ނޯޓިސް ފޮނުވާފައިވަނީ އެއްބަސްވުމުގައި ބަޔާންކުރާ އިޖުރާއަތާ އެއްގޮތަށްކަމަށެވެ.

62އެގޮތުން، ޢިމާރާތުގެ ކުރެހުމަށް ގެނެވުނު ބަދަލާއެކުވެސް ޢިމާރާތުގެ މަސައްކަތް ފުރިހަމަކުރުމަށް އެކަށީގެންވާ ވަގުތު ލިބި މަސައްކަތް ފުރިހަމަކޮށްފައިނުވާތީ، ފަހުން ފާސްކުރެވުނު ކުރެހުން އިސްތިއުނާފުކުރާ ފަރާތާ ޙަވާލުކުރި ތާރީޚުގެ ފަހަށް 12 (ބާރަ) މަސް ދުވަސް ހޭދަވެގެން ދިޔައިރުވެސް މަސައްކަތް ފުރިހަމަކޮށްފައި ނުވާކަމަށެވެ. މަސައްކަތް ފުރިހަމަ ނުކުރާތީ އެކަން ސަމާލު ކަމަށް ގެނައިސް މަސައްކަތް ފުރިހަމަކޮށް އެއްބަސްވުމުގެ ދަށުން މަރްޔަމް ނަޝީދާއަށް ލިބެންޖެހޭ ފްލޯތައް ޙަވާލުކުރުމަށް އަންގައި މައުމޫން ޙުސައިންފުޅަށް ފޮނުވި އެންގުންތަކާއި އަދި 13 ފެބްރުއަރީ 2022 އިން ފެށިގެން އެއްބަސްވުން ބާޠިލުކުރިކަން އަންގައި ފޮނުވި ނޯޓިސް ފޮނުވާފައިވަނީ، ދެފަރާތުގެ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމުގެ 20.3 ގައި ބަޔާންކުރާ އިޖުރާއަތާ އެއްގޮތަށްކަމަށެވެ.

ނޯޓިސް ފޮނުވުމުގެ އިޖުރާއަތު

63HN3ނޯޓިސް ފޮނުވުގެ އިޖުރާއަތާ ގުޅޭގޮތުން މި ނުކުތާގައި ދެ ފަރާތުން ޙަވާލާދޭ އެއްބަސްވުމުގެ 20.3 ވަނަ މާއްދާއަކީ، ދެފަރާތުގެ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމުގެ 20 ވަނަ މާއްދާގައި ބަޔާންކުރާ "އެއްބަސްވުން ބާޠިލުކުރުން" މި ސުރުޚީގެ ދަށުން އެއްބަސްވުމުގައި ހިމެނިފައިވާ މާއްދާއެކެވެ.

64އެ މާއްދާގައި ބަޔާންކޮށްފައިވަނީ، "މި އެއްބަސްވުމުގެ އެއްވެސް މާއްދާއަކާ އެއްވެސް ފަރާތަކުން ޚިލާފުވެއްޖެނަމަ، އެޚިލާފުވުމެއް ރަނގަޅުކުރުމަށް އެއްބަސްވުމުގެ އަނެއްފަރާތުން އެއްބަސްވުމާ ޚިލާފުވިފަރާތަށް ލިޔުމުން އަންގައި، އެ ލިޔުން ލިބޭދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ ޚިލާފުވުމެއް ރަނގަޅު ކޮށްފައި ނުވާޙާލަތެއްގައި ނުވަތަ އެ ޚިލާފުވުމެއް ރަނގަޅުކުރުމަށް 30 (ތިރީސް) ދުވަހުގެ ތެރޭގައި މަސައްކަތް ފަށާފައި ނުވާޙާލެތެއް ފިޔަވައި އެހެން އެއްވެސް ޙާލަތެއްގައި މި އެއްބަސްވުން ބާޠިލުކުރުމުގެ އިޚްތިޔާރު އެއްވެސް ފަރާތަށް ލިބިގެންނުވެއެވެ. އެއްވެސް ފަރާތަކުން ޚިލާފުވެފައިވާ ކަމަކީ، 30 (ތިރީސް) ދުވަހުގެތެރޭގައި ރަނގަޅު ނުކުރެވޭނެފަދަ ޚިލާފުވުމެއް ކަމުގައިވާނަމަ، އެކަމެއް ރަނގަޅުކުރާނެ މުއްދަތަކާމެދު ދެފަރާތުން ލިޔުމުން އެއްބަސްވާން ވާނެއެވެ. އަދި މިފަދަ ޙާލަތެއްގައި އެއްބަސްވުން ބާޠިލުކުރެވޭނީ މިގޮތުން އެކަމެއް ރަނގަޅުކުރުމަށް އެއްބަސްވެފައިވާ މުއްދަތެއްގައި އެޚިލާފުވުމެއް ރަނގަޅުކުރެވިފައިނުވާނަމައެވެ." މި ފަދައިންނެވެ.

6513 ފެބްރުއަރީ 2022 އިން ފެށިގެން އެއްބަސްވުން ބާޠިލުކުރިކަން އަންގައި މަރްޔަމް ނަޝީދާގެ ފަރާތުން މައުމޫން ޙުސައިންފުޅަށް ފޮނުވި ނޯޓިސް ފޮނުވާފައިވަނީ، އިސްވެ ބަޔާންކުރެވުނު މާއްދާގައި ބަޔާންކުރާ އިޖުރާއަތާ އެއްގޮތަށްތޯ ބަލާއިރު އަންނަނިވި ކަންތައްތައް އަހުރެންނަށް ފާހަގަކުރެވެއެވެ.

65.1 ދެފަރާތުގެ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުން ބާޠިލުކޮށް 13 ފެބްރުއަރީ 2022 ގައި މަރްޔަމް ނަޝީދާގެ ފަރާތުން މައުމޫން ޙުސައިންފުޅަށް ފޮނުވި ނޯޓިސް ފޮނުވުމުގެ ކުރިން 2 (ދޭއް) ފަހަރެއްގެ މަތިން އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރުމަށް އަންގައި މަރްޔަމް ނަޝީދާގެ ފަރާތުން މައުމޫން ޙުސައިންފުޅަށ ނޯޓިސް ފޮނުވާފައިވާކަން އެނގެއެވެ.

65.2 މަރްޔަމް ނަޝީދާގެ ފަރާތުން ފުރަތަމަ ފޮނުވި ނޯޓިސް ފޮނުވާފައިވަނީ 20 ސެޕްޓެންބަރު 2021 ގައެވެ. އެއީ ޢިމާރާތުގެ ކުރެހުމަށް ގެނެވުނު ބަދަލު ފާސްކުރުމަށްފަހު އެ ކުރެހުން މައުމޫން ޙުސައިންފުޅާ ޙަވާލުކުރިތާ 12 (ބާރަ) މަސް ދުވަހުގެ ފަހުގެ ތާރީޚެކެވެ.

65.3 20 ސެޕްޓެންބަރު 2021 ގައި ފޮނުވި ނޯޓިސްއަށް މައުމޫން ޙުސައިންފުޅުގެ ފަރާތުން އެއްވެސް ޖަވާބެއް ދީފައިވާކަން އެނގެންނެތެވެ. އަދި އެ ނޯޓިސް ލިބުނުކަމާމެދު ސުވާލު އުފައްދައި ނުވަތަ އެ ނޯޓިސްއަށް ޖަވާބުދާރީވި ކަމާމެދުވެސް އެއްވެސް މަރުޙަލާއެއްގައި މައުމޫން ޙުސައިންފުޅުގެ ފަރާތުން ޖަދަލުކޮށް ބަހުޘްކޮށްފައިނުވާކަން އެނގެއެވެ.

65.4 ބުނެވިދިޔަ ނޯޓިސްއަށް ފަހު މަރްޔަމް ނަޝީދާގެ ފަރާތުން މައުމޫން ޙުސައިންފުޅަށް ދެވަނަ ނޯޓިސްއެއް ފޮނުވާފައިވަނީ، ފުރަތަމަ ފޮނުވި ނޯޓިސް ފޮނުވިތާ 3 (ތިނެއް) މަސް ދުވަސް ފަހުން 06 ޖެނުއަރީ 2022 ގައެވެ. އަދި ދެފަރާތުގެ ދެމެދު ސޮއިކުރެވިފައިވާ އެއްބަސްވުން ބާޠިލުވިކަމަށް އަންގައި މަރްޔަމް ނަޝީދާގެ ފަރާތުން ފޮނުވި ނޯޓިސް ފޮނުވާފައިވަނީ 13 ފެބްރުއަރީ 2022 ގައެވެ.

65.5 ދެފަރާތުގެ ދެމެދު ސޮއިކުރެވިފައިވާ އެއްބަސްވުން ބާޠިލުކުރުމުގެ ބޭނުމަށް ނޯޓިސް ފޮނުވަންޖެހޭ އިޖުރާއަތު ބަޔާންކުރާ އެއްބަސްވުމުގެ 20.3 ވަނަ މާއްދާގައިވާ ގޮތުން، އެއްބަސްވުމުގެ އެއްވެސް މާއްދާއަކާ ޚިލާފުވެއްޖެނަމަ، އެޚިލާފުވުމެއް ރަނގަޅުކުރުމަށް އެއްބަސްވުމުގެ އަނެއް ފަރާތުން އެއްބަސްވުމާ ޚިލާފުވިފަރާތަށް ލިޔުމުން އަންގައި، އެ ލިޔުން ލިބޭ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ ޚިލާފުވުމެއް ރަނގަޅުކޮށްފައި ނުވާ ޙާލަތެއްގައި ނުވަތަ އެ ޚިލާފުވުމެއް ރަނގަޅުކުރުމަށް 30 (ތިރީސް) ދުވަހުގެ ތެރޭގައި މަސައްކަތް ފަށާފައި ނުވާ ޙާލަތެއްގައި އެއްބަސްވުން ބާޠިލުކުރުމުގެ އިޚްތިޔާރު އެއްބަސްވުމާ ޚިލާފުނުވާ ފަރާތަށް ލިބިގެންވެއެވެ.

65.6 މަރްޔަމް ނަޝީދާގެ ފަރާތުން އެއްބަސްވުން ބާޠިލުކުރަން 13 ފެބްރުއަރީ 2022 ގައި ފޮނުވި ނޯޓިސް ފޮނުވާފައިވަނީ އޭގެ ކުރިން ޖުމްލަ 2 (ދޭއް) ނޯޓިހެއް މައުމޫން ޙުސައިންފުޅަށް ފޮނުވުމަށްފަހުއެވެ. މުއްދަތުގެ ގޮތުން ބަލާނަމަ އެއީ، ފުރަތަމަ ފޮނުވި ނޯޓިސް ފޮނުވިތާ ގާތްގަނޑަކަށް 5 (ފަހެއް) މަސް ދުވަސް ފަހެވެ. އެ މުއްދަތުގައި ނޯޓިސްތަކަށް ޖަވާބުދާރީވުމެއްނެތި އެއްބަސްވުމުގެ ދަށުން ޚިލާފުވެފައިވާ ކަމަކީ 30 (ތިރީސް) ދުވަހުގެ ތެރޭގައި ރަނގަޅު ކުރެވޭނެ ކަމެއް ނޫންކަމަށާއި އެ ޙާލަތުގައި ޢަމަލުކުރަންޖެހޭނެ ގޮތަކީ، އެ ޚިލާފެއް ރަނގަޅުކުރަން ލިޔުމުން ދެފަރާތުން އެއްބަސްވާ ގޮތެއްގެ މައްޗަށް މުއްދަތެއް ކަނޑައެޅުން ކަމަށް އިސްތިއުނާފުކުރާ މައުމޫން ޙުސައިންފުޅުގެ ފަރާތުން ބުނާ ބުނުމަކީ، ޙަވާލާދޭ މާއްދާގައި ބަޔާންކުރާ އިޖުރާއަތުގެ މަޤްޞަދާ ފުށުއަށާ ގޮތަށް ބުނާ ބުނުމެއް ކަމުގައި ދެކެމެވެ. އަދި އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރުމުގައި ހެޔޮނިޔަތް އެއްފަރާތްކޮށް ހަމައެކަނި މައުމޫން ޙުސައިންފުޅުގެ މަޞްލަޙަތުގައި ބުނާބުނުމެއްކަމުގައި ދެކެމެވެ.

66އެހެންކަމުން، ދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުން ބާޠިލުކޮށް 13 ފެބްރުއަރީ 2022 ގައި މަރްޔަމް ނަޝީދާގެ ފަރާތުން މައުމޫން ޙުސައިންފުޅަށް ފޮނުވި ނޯޓިސްއަކީ އެއްބަސްވުމުގެ 20.3 ގައި ބަޔާންކުރާ އިޖުރާއަތާ ޚިލާފަށް ފޮނުވާފައިވާ ނޯޓިހެއް ކަމަށް ބަލާނެ ޤާނޫނީ ހަމައެއް އޮތް ކަމަށް އަހުރެން ނުދެކެމެވެ.

67HN4މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 25 ވަނަ ބާބުގެ ދަށުން ޝަރީޢަތުގެ ޚަރަދު ނަގައިދިނުމަށް އިސްތިއުނާފު ރައްދުވާ މަރްޔަމް ނަޝީދާގެ ފަރާތުން މި މައްސަލައިގައި އެދިފައިވީ ނަމަވެސް ޝަރީޢަތުގެ ޚަރަދުގެ ތަފްޞީލެއް ހިމެނިފައިނުވުމާއެކު، މި މައްސަލައިގައި ޚަރަދާމެދު ގަވާއިދުގައިވާ ގޮތުގެމަތިން ގޮތެއް ކަނޑައެޅިފައިނުވެއެވެ. މައްސަލަ ނިންމަން ފެންނަ ގޮތް

68މަތީގައި ބަޔާންކުރި ސަބަބުތައް އެގޮތުގެ މަތިން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-A/344,381 ޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ޤާނޫނީ ސަބަބެއް ނެތް ކަމަށް ކަނޑައަޅައި މައްސަލަ ނިންމަން ފެނެއެވެ.

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު

69މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ސަލީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޢަބްދުﷲ ޙަމީދުގެ ރައުޔު

70މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ސަލީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެ މަތިން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-A/344,381 ޤަޟިއްޔާގެ ޙުކުމަށް ބަދަލުގެންނަން ޖެހޭފަދަ ސަބަބެއް ނެތްކަމަށް ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ. މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

ފުޓްނޯޓު

  1. ދ.ރ.
  2. ދ.ރ.
  3. ޤާނޫނު ނަންބަރު 4/91
  4. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/100 ޤަޟިއްޔާ
  5. މަރްޔަމް ނަޝީދާގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ ދަޢުވާގެ ޖަވާބު ހުށަހަޅާ ފޯމުގައިވެސް މިކަން ހަމަ މިގޮތުގެ މަތިން ފާހަގަކޮށްފައިވެއެވެ.
  6. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 48 ވަނަ މާއްދާގެ (ހ)
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20ވަނަ މާއްދާގެ (ހ)
  • ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 25ވަނަ ބާބު
  • ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 48ވަނަ މާއްދާގެ (ހ)

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ