ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ވ. ފުތިޙަ ޝާކިރު
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- 2023/HC-A/376
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ވަޒީފާއާބެހޭ ޤާނޫނުގެ 28 ވަނަ މާއްދާގެ (ހ) ގައިވާ ތިން މަސް ދުވަހުގެ މުއްދަތު ގުނާނެ ގޮތަކީ ކޮބައިތޯއާއި، މުއްދަތުގެ އެންމެ ފަހު ދުވަހު ރަސްމީ ގަޑި ނިމުމަށްފަހު (14:11 ގައި) އީމެއިލް މެދުވެރިކޮށް ޓްރައިބިއުނަލަށް ހުށަހަޅާ މައްސަލައަކީ މުއްދަތުގެ ތެރޭގައި ހުށަހެޅި މައްސަލައެއްކަމުގައި ބެލެވޭނެތޯ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިހައިކޯޓުގެ ޙުކުމް ބާޠިލު، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނިންމުން ޤާއިމް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ވަޒީފާއާބެހޭ ޤާނޫނުގެ 28 ވަނަ މާއްދާގެ (ހ) ގައި މުއްދަތު ގުނުމުގައި ވަޒީފާއިން ވަކިކުރާ ތާރީޚާއި މުއްދަތު ހަމަވާ ތާރީޚް ހިމަނާނެކަން ސާފުނޫންކަމަށާއި، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ހ) އާ އެއްގޮތަށް އެ ދެ ދުވަސް ނުގުނައި ތިން މަސް ގުނުމަކީ މައްސަލަ ހުށަހަޅާ ފަރާތަށް އެ ޙައްޤު އެންމެ ފުޅާ މިނުގައި ލިބިދޭ މާނަކުރުމެއް ކަމަށާއި، އެގޮތަށް މާނަކުރުން ޤާނޫނީ ގޮތުން ގޯސްވާ ސަބަބެއް ނެތް.
HN2 ވަޒީފާއާބެހޭ ޤާނޫނުގައި "މަސް" މާނަކޮށްފައިނުވާއިރު، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ހ) އާއި 11 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކޮށް ދިވެހިބަހުގެ ރަދީފަށް ބަލާއިރު، މުއްދަތު ގުނުމުގައި މަސް ދުވަސް ބަލާނީ އޭގެ އާންމު މާނަކަމުގައިވާ 30 ދުވަސް ކަމުގައެވެ؛ އެކި މަސްތަކުގެ ދުވަހުގެ ޢަދަދު ތަފާތުވާތީ، މައްސަލަ ހުށަހަޅާ ފަރާތްތަކަށް ހަމަހަމަކޮށް މުއްދަތު ލިބޭނީ މަސް 30 ދުވަހުގެ ގޮތުގައި ގުނުމުންނެވެ.
HN3 މައްސަލަ ހުށަހެޅުމުގެ އެންމެ ފަހު ދުވަހަކީ ސަރުކާރު ބަންދު ދުވަހަކަށް ވާނަމަ، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ށ) ގެ ދަށުން އެންމެ ފަހު ދުވަހަކަށް ވާނީ އޭގެ ފަހުން ވިދިގެން އަންނަ ރަސްމީ ބަންދު ނޫން ދުވަހެވެ.
HN4 ވަޒީފާއާބެހޭ ޤާނޫނުން ވަކިކުރި ތާރީޚުން ފެށިގެން ވަކި މުއްދަތެއްގައި މައްސަލަ ހުށަހެޅުމުގެ ޙައްޤު ދީފައިވާއިރު، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ރ) ގައި ވަގުތު ބަލާނީ ދިވެހިރާއްޖޭގެ ރަސްމީ ގަޑީގައި ކަމަށް އޮތުމުން، އެ މުއްދަތަކީ ރަސްމީ ގަޑީގައި އޮންނަ ފުރުޞަތެއް ކަމުގައި ބަލަންޖެހޭނެއެވެ.
HN5 ޓްރައިބިއުނަލަށް ނުވަތަ މެޖިސްޓްރޭޓް ކޯޓަށް މައްސަލަ ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ ރަސްމީ ގަޑީގެ ވަގުތު (08:00 ން 14:00) ކަމަށްވާއިރު، އީމެއިލް މެދުވެރިކޮށް ހުށަހަޅާނަމަ ދުވަސް ނިމޭ ވަގުތާ ހަމައަށް ފުރުޞަތު ލިބޭނެކަމަށް މާނަކުރުމަކީ 35 ވަނަ މާއްދާގެ (ރ) އާ ޚިލާފު މާނަކުރުމެކެވެ؛ ވަކި މީޑިއަމަކުން މައްސަލަ ހުށަހަޅަން ނިންމުމުގެ ސަބަބުން އެ ފަރާތަށް ވަގުތު ގިނަވާގޮތަށް މާނަކުރެވިދާނެކަމަށް ނުދެކެވެއެވެ.
HN6 މުއްދަތުގެ އެންމެ ފަހު ދުވަހު ރަސްމީ ގަޑި ނިމުމަށްފަހު ހުށަހަޅާ މައްސަލައަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ބެލުމުގެ އިޚްތިޞާޞް ލިބިގެންނުވާ މައްސަލައެއް ކަމަށް ޓްރައިބިއުނަލުން ނިންމުމަކީ ޤާނޫނީ އުޞޫލުތަކާ އެއްގޮތް ނިންމުމެކެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޙުސައިން ޝަހީދު، ޢަލީ ރަޝީދު ޙުސައިން، ޑރ. މުޙައްމަދު އިބްރާހީމް
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުސައިން ޝަހީދު · ތާއީދުކުރެއްވީ: ޢަލީ ރަޝީދު ޙުސައިން
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔު (ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު
ކުރައްވާފައި).....1 ތަޢާރުފު.....1 މައްސަލައިގެ ފަސްފަހަތް.....1 ހައިކޯޓުން މައްސަލަ ނިންމިގޮތް.....2 ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވުނު ނުކުތާތައް.....4 މުއްދަތު ގުނުން.....7 ރަސްމީ ގަޑީގެ ބޭރުން ހުށަހެޅުން.....11
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު.....13
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު.....13
ޙުކުމް.....14 بالله الرحمن الرحيم ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް ވ. ފުތިޙަ ޝާކިރު [2025] SC 28
ފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔު (ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު ޑރ.
މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި)
ތަޢާރުފު
1މި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-A/376 ގަސިއްޔާ އިސްތިއުނާފުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (މީގެ ފަހުން "އެޗްޑީސީ") ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން މި ކޯޓުން ބެލި މައްސަލައެކެވެ. މި މައްސަލަ ރައްދުވާ ފަރާތަކީ […] ފުތިޙަ ޝާކިރު (އައިޑީ އެވެ.
މައްސަލައިގެ ފަސްފަހަތް
2ފުތިޙަ ޝާކިރު، އެޗްޑީސީގެ އެސްޓޭޓް އޮފިސަރުގެ ވަޒީފާ އަދާކުރަމުން ދަނިކޮށް، އެ ކޯޕަރޭޝަންގެ ޕްރޮގްރެސިވް ޑިސިޕްލިނަރީ އެކްޝަން ޕޮލިސީގައި ބަޔާންކުރާ 3 ވަނަ ދަރަޖައިގެ ޢަމަލެއް ކޮށްފައިވާކަމަށް ބުނެ 29 މާރިޗް 2023 ގައި ވަޒީފާއިން ވަކިކުރިއެވެ.
3ފުތިޙަ ޝާކިރު ވަޒީފާއިން ވަކިކުރި މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅިއެވެ. އެ މައްސަލަ ހުށަހެޅީ 02 ޖުލައި 2023 ގެ 14:11 ގައި އީމެއިލް މެދުވެރިކޮށެވެ.
4ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އެ މައްސަލަ ހުށަހެޅުމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 200-L/INDIV/2023/428 "ރަޖިސްޓްރާރގެ ނިންމުން" ގައި ރަޖިސްޓްރާރ ނިންމާފައިވަނީ އެ މައްސަލަ އެ ޓްރައިބިއުނަލަށް ބަލައިގަނެވެން ނެތްކަމަށެވެ.
5ރަޖިސްޓްރާރގެ ނިންމުމުގައިވަނީ ފުތިޙަ ޝާކިރުގެ ފަރާތުން މި މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވަނީ މައްސަލަ ހުށަހެޅެން އޮތް އެންމެ ފަހު ދުވަސްކަމުގައިވާ 02 ޖުލައި 2023 ވަނަ ދުވަހުގެ ރަސްމީ ގަޑި ނިމުމުންކަން އެނގޭކަމަށާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދުގެ 8 ވަނަ މާއްދާގެ (ހ) ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރަޖިސްޓްރީ ހުޅުވިފައި ހުންނާނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް، ސަރުކާރުގެ ރަސްމީ ގަޑީގައިކަމަށް ބަޔާންކޮށްފައިވާތީ، އެ މައްސަލައަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ބެލުމުގެ އިޚްތިޞާޞް ލިބިގެންނުވާ މައްސަލައެއްކަމަށް ބަޔާންކޮށް، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދުގެ 26 ވަނަ މާއްދާގެ (ނ) ގެ ދަށުން އެ މައްސަލަ ބަލައިގަނެވެން ނެތްކަމަށެވެ.
6ރަޖިސްރާރގެ ނިންމުން އަލުން ބަލައިދިނުމަށް އެދި ފުތިޙަ ޝާކިރުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން އެ މައްސަލަ ބެލި މެންބަރުން ނިންމާފައިވަނީ ރަޖިސްޓްރާރގެ ނިންމުން ބާޠިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅައެވެ. ހައިކޯޓުން މައްސަލަ ނިންމިގޮތް
7ފުތިޙަ ޝާކިރުގެ ފަރާތުން ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް އިސްތިއުނާފުކުރުމަށް ހައިކޯޓަށް ހުށަހެޅި އެވެ. އަދި ހައިކޯޓުގެ ނަންބަރު 2023/HC-A/376 ގަސިއްޔާގައި ނިންމާފައިވަނީ ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތުގެ ރިޕޯޓުގައިވާ ނިންމުން ބާޠިލުކަމަށް ކަނޑައަޅައި، ފުތިޙަ ޝާކިރުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 28 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުހުލަތުގެ ތެރޭގައިކަމަށްވާތީ، އެ ފޯމު ބަލައިގަތުމަށް އަމުރުކޮށެވެ. ހައިކޯޓުން މި ނިންމުމަށް ވާސިލުވީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބުރަވެއެވެ.
7.1 ފުތިޙަ ޝާކިރު ވަޒީފާއިން ވަކިކޮށްފައިވާ ދުވަސްކަމަށްވާ 29 މާރިޗް 2023 ވަނަ ދުވަހުން ފެށިގެން ބަލާއިރު، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހަމަތަކާ އެއްގޮތަށް، ވަޒީފާއާބެހޭ ޤާނޫނުގެ 28 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅާފައިވާ ތިން މަސް ދުވަހުގެ މުއްދަތު ގުނުމުން، މުއްދަތު ހަމަވާ ތާރީޚަކީ 30 ޖޫން 2023 ވަނަ ދުވަސްކަމަށް ވެފައި، އެ ދުވަހަކީ ރަސްމީ ބަންދު ދުވަހަކަށް ވާތީ މައްސަލަ ހުށަހެޅުމުގެ މުއްދަތު ގުނާފައިވަނީ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އުޞޫލަށް ރިޢާޔަތްކޮށްގެންކަމަށާއި، މި މައްސަލައިގައި މުއްދަތު ހަމަވާ ތާރީޚަކީ 2 ޖުލައި 2023 ވަނަ ދުވަސް ކަމާމެދު ޚިލާފެއް ނެތްކަން.
7.2 ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާ ފޯމު ހުށަހެޅޭނެ ގޮތްތަކަށް ބަލާއިރު، މައްސަލަ އުފެދުނު ރަށުގެ މެޖިސްޓްރޭޓް ކޯޓަށް ފޯމު ހުށަހެޅުމާއި، އީމެއިލްގެ ޒަރީއާއިން ފޯމު ހުށަހެޅުމާއި، ރަޖިސްޓަރޑް ޕޯސްޓް މެދުވެރިކޮށް ފޯމު ހުށަހެޅުމާއި، މިއިން އެއްވެސް ގޮތަކާ، ވަޒީފާއާބެހޭ ޓްރައިބިއުނަލް ހުޅުވާފައި ހުރުމަކާ ނުވަތަ ހުޅުވާފައި ހުންނަ ގަޑިއަކާ އެއްވެސް ގުޅުމެއް އޮންނަންވީ ސަބަބެއް ނެތްކަމަށާއި، އީމެއިލްއަކީ ލިބެމުންދާ އެއްޗެއްކަމަށާއި، ދުވަސް ނިމުމާ ހަމައަށް ކުރަން ފުރުސަތު އޮތްކަމެއް އީމެއިލްގެ ޒަރީއާއިންނަމަ، އެ ދުވަހުގެ އެންމެ ފަހު ސިކުންތާ ހަމައަށްމެ އެކަމެއް ކުރުމުގެ ޖާގަ ހުޅުވިފައި އޮންނާނެކަމަށް ބަލަންޖެހޭކަން.
7.3 ފުތިޙަ ޝާކިރުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާފައިވަނީ މައްސަލަ ހުށަހެޅެން އޮތް އެންމެ ފަހު ތާރީޚު ބަންދު ދުވަހަކާ ދިމާވެ ވިދިގެން އައި ރަސްމީ ބަންދު ނޫން ދުވަހު އެކަން ކުރަން ލިބޭ ފުރުޞަތުގައި ކަމަށްވެފައި، އެ ދުވަހުގައި މައްސަލަ ހުށަހެޅުމުގެ ފުރުޞަތު މުޅި އެދުވަހަށް ދެމިދާއިރު، މައްސަލަ ހުށަހަޅާފައިވަނީ އީމެއިލްގެ ޒަރީއާއިން ރަސްމީ ގަޑީގެ ފަހުން ކަމަށްވިޔަސް، މައްސަލަ ހުށަހެޅީ އެ ދުވަސް ފާއިތުވުމުގެ ކުރިން އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދުގައި މައްސަލަ ހުށަހަޅާ ފޯމު ހުށަހެޅޭނެކަމަށް ބަޔާންކޮށްފައިވާ ގޮތްތަކުންކުރެ ގޮތެއްގެ މަތިން ކަމުގައިވާތީ، އެ މައްސަލައަކީ އެ ދުވަހު ހުށަހެޅި މައްސަލައެއްކަމުގައި މެނުވީ ބެލެވޭނެ ހަމައެއް ނުފެންނަކަން.
ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވުނު ނުކުތާތައް
8ހައިކޯޓުގެ ނަންބަރު 2023/HC-A/376 ގަޟިއްޔާގެ ނިންމުން ޤާނޫނީ އުޞޫލުތަކާ އެއްގޮތްނުވާކަމަށް ބުނެ އެޗްޑީސީގެ ފަރާތުން އެ ގަޟިއްޔާ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރިއެވެ. އަދި އަންނަނިވި އިސްތިއުނާފީ 07 (ހަތެއް) ނުކުތާ ހުށަހަޅައި އެ ނުކުތާތަކާމެދު ވާހަކަދައްކާފައިވެއެވެ.
8.1 ވަޒީފާއާބެހޭ ޤާނޫނުގެ 28 ވަނަ މާއްދާގެ ދަށުން، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅަން ލިބޭ 3 (ތިނެއް) މަސް ދުވަހުގެ މުއްދަތު ގުނަން ފެށޭނީ ވަޒީފާއިން ވަކިކުރާ ދުވަހުގައި ކަމުގައި އަދި އެ މުއްދަތު ނިމޭނީ 3 (ތިނެއް) މަސް ދުވަސް ނިމޭ ދުވަހުންކަން ވަޒީފާއާބެހޭ ޤާނޫނުގެ 28 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވީނަމަވެސް، 3 (ތިނެއް) މަސް ދުވަހުގެ މުއްދަތު ގުނާނީ ވަޒީފާއިން ވަކިކުރާ ދުވަހާއި، 3 (ތިނެއް) މަސް ދުވަހުގެ މުއްދަތު ނިމޭ ދުވަހާއި މި ދެދުވަސް ނުހިމަނައި، ޓްރައިބިއުނަލުން އަދި ހައިކޯޓުން މުއްދަތު ގުނާފައިވަނީ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ހ) އާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ.
8.2 މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ރ) އާއި ޚިލާފަށް، އެ މާއްދާގައި ސާފު ސަރީހަ ބަހުން ރަސްމީ ގަޑީގައި ކުރަންޖެހޭ ކަންކަން ކަނޑައަޅާފައިވާ ކަނޑައެޅުން އެއްކިބާކޮށް އަދި ރަސްމީ ގަޑީގައި ކަންކަން ކުރަންޖެހޭނެކަމުގައި ބަޔާންކޮށްފައިވީނަމަވެސް، ފުތިޙަ ޝާކިރުގެ ފަރާތުން ރަސްމީ ގަޑީގެ ބޭރުން (14:11 ގައި) ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅި ހުށަހެޅުން ބަލައިގަންނަންޖެހޭ ކަމުގައި ހައިކޯޓުން ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
8.3 މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ށ) ގެ ބޭނުން ގެއްލޭގޮތަށް ނުވަތަ ނަފީވާގޮތަށް، ކަމެއް ކުރަން އޮންނަ ރަސްމީ ދުވަސް އަދި ރަސްމީ ގަޑި ހައިކޯޓުން މާނަކޮށްފައިވަނީ އެ ޤާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހައްލު ހޯދައިދިނުމުގެ އުސޫލާއި، އެ ޤާނޫނުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަޤްޞަދަށް ބެލުމުގެ އުޞޫލާއި، އެ ޤާނޫނުގެ 11 ވަނަ މާއްދާއި ކަނޑައަޅާފައިވާ ޤާނޫނުގެ ބޭރުން ބޭނުން ހިފިދާނެ ވަސީލަތްތަކަށް ބެލުމުގެ އުޞޫލާއި ޚިލާފަށް، ރަސްމީ ގަޑީގެ ބޭރުން މައްސަލަ ބަލައިގަންނަންޖެހޭނެ ކަމުގައި ހައިކޯޓުން ކަނޑައަޅާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
8.4 ވަޒީފާއާބެހޭ ޓަރްއިބިއުނަލްގެ ގަވާއިދުގެ 8 ވަނަ މާއްދާގެ (ހ) އާއި ޚިލާފަށް، އަދި އެ މާއްދާގެ ބޭނުން ކެނޑޭގޮތަށް، އީމެއިލްގެ ޒަރިއްޔާއިން މައްސަލަ ހުށަހަޅާނަމަ، ޓްރައިބިއުނަލްގެ ރަޖިސްޓްރީ ހުޅުވިފައި ހުންނަ ގަޑީގެ ބޭރުން މައްސަލަ ބަލައިގަންނަންޖެހޭނެ ކަމުގައި ހައިކޯޓުން ކަނޑައަޅައި، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދުގެ 8 ވަނަ މާއްދާގެ
(ހ) ނަފީވާފަދަ މާނަކުރުމެއް ދީފައިވުން އަދި އެ މާއްދާއާ ޚިލާފަށް މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
8.5 ވަޒީފާއާބެހޭ ޤާނޫނުގެ 28 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތު ގުނުމުގައި "މަސް" މި ލަފުޒަށް ނުވަތަ term އަށް އޭގެ ކުރިން ހައިކޯޓުގެ ނަންބަރު 2011/HC-A/19 މައްސަލައިގައި ދީފައިވާ ޝަރަޙަކުރުން ސަބަބަކާއި ނުލައި ބަދަލުކޮށްފައިވަނީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރާއި ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ.
8.6 ވަޒީފާއާބެހޭ ޤާނޫނުގެ 28 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތު ގުނުމުގައި "މަސް" މި ލަފުޒު ނުވަތަ term އަކީ ނުސާފު ލަފުޒެއް ކަމުގައިވާތީ ނުވަތަ އެއް މާނައަށްވުރެ ގިނަ މާނަ ނެގޭ ލަފުޒެއް ކަމުގައިވާތީ، މި ލަފުޒު މާނަކުރަންވާނީ ޢަދުލުވެރި ނަތީޖާއެއް ނުކުންނަގޮތަށް، އަދި ހަމަހަމަ ނަތީޖާއެއް ނުކުންނަ ގޮތަކަށް، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 5 ވަނަ މާއްދާއާއި އެއްގޮތަށް ކަމުގައިވީހިނދު، އަދި މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 11 ވަނަ މާއްދާގައި އެހެން މަސްދަރުތަކުގައި އެ ލަފްޒަކަށް ދީފައިވާ މާނަކުރުމަށް ރިޢާޔަތްކޮށްގެން ކަމުގައިވީހިނދު، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 5 ވަނަ މާއްދާއާއި 11 ވަނަ މާއްދާއާއި ޚިލާފަށް ވަޒީފާއާބެހޭ ޤާނޫނުގެ 28 ވަނަ މާއްދާގެ (ހ) މާނަކޮށްފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
8.7 މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 39 ވަނަ މާއްދާއާ ޚިލާފަށް ފުތިޙަ ޝާކިރުގެ ފަރާތުން ހައިކޯޓުގައި އެދިފައިވާ ފަރުވާ ކަމުގައިވާ އަލުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމަށް އެދިފައިވުމާއި ޚިލާފަށް، އެ ފަރުވާ ނޫން އެހެން ފަރުވާއެއް ހައިކޯޓުން ނަގައިދީފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
9އެޗްޑީސީގެ ފަރާތުން ހުށަހެޅި ނުކުތާތަކަށް ބަލާއިރު، މައިގަނޑު ގޮތެއްގައި އިސްތިއުނާފީ ނުކުތާތައް ދައުރުވަނީ ވަޒީފާއާބެހޭ ޓްރައިބުނަލަށް މައްސަލަ ހުށަހެޅުމުގެ މުއްދަތާއި ވަގުތު ގުނާފައިވާގޮތުގެ މައްޗަށެވެ.
މުއްދަތު ގުނުން
10ވަޒީފާއާބެހޭ ޤާނޫނުގެ 28 ވަނަ މާއްދާގެ (ހ) ގެ ދަށުން، 3 (ތިނެއް) މަސް ދުވަހުގެ މުއްދަތު ގުނާނީ ވަޒީފާއިން ވަކިކުރާ ދުވަހާއި، 3 (ތިނެއް) މަސް ދުވަހުގެ މުއްދަތު ނިމޭ ދުވަހާއި މި ދެދުވަސް ނުހިމަނައި ކަމުގައި ޓްރައިބިއުނަލުން އަދި ހައިކޯޓުން ނިންމާފައިވަނީ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ހ) އާ ޚިލާފަށްކަމަށް އެޗްޑީސީގެ ފަރާތުން ބުނެއެވެ.
11އެހެންގޮތަކަށް ބުނާނަމަ، އެޗްޑީސީއިން ބުނަނީ މުއްދަތު ގުނަންވީ ގޮތް ވަޒީފާއާބެހޭ ޤާނޫނުގެ 28 ވަނަ މާއްދާއިން ސާފުވާކަމަށާއި، އެހެންކަމުން، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ހ) ގައި ބުނާ އުޞޫލު މި މައްސަލައަށް ތަޠުބީޤު ނުވާނެކަމަށެވެ.
12އެގޮތުން، ވަޒީފާއާބެހޭ ޤާނޫނުގައި ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން ތިން މަސްދުވަހުގެ ތެރޭގައި އެކަމުގެ ޝަކުވާ ޓްރައިބިއުނަލަށް ހުށަހެޅުމުގެ ޙައްޤު ލިބިގެންވާކަމަށް އޮތުމުން، އެ މާއްދާގައިވާ ގޮތުން 3 (ތިނެއް) މަސް ދުވަހުގެ މުއްދަތު ގުނަން ފަށަންޖެހޭނީ ވަޒީފާއިން ވަކިކުރި ތާރީޚް ހިމަނައިގެން ކަމަށް އެޗްޑީސީގެ ފަރާތުން ބުނެއެވެ.
13ވަޒީފާއާބެހޭ ޤާނޫނުގެ 28 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ.
28(ހ) ނޯޓިސް ދިނުމަށްފަހު ނުވަތަ ނޯޓިސް ދިނުމަކާ ނުލައިނަމަވެސް، މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފިނަމަ، އެވަޒީފާއިން އޭނާ ވަކިކުރީ އެކަށީގެންވާ ސަބަބެއްނެތި ކަމުގައި ވަޒީފާ އަދާކުރި މީހާއަށް ގަބޫލުކުރެވޭނަމަ، ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން ތިންމަސް ދުވަހުގެ ތެރޭގައި އެކަމުގެ ޝަކުވާ، ޓްރައިބިއުނަލަށް ހުށަހެޅުމުގެ ޙައްޤު އޭނާއަށް ލިބިގެންވެއެވެ. ވަޒީފާ އަދާކުރި މީހާއަށް ނޯޓިސް ލިބުނު ތާރީޚުން ފެށިގެން ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމަކަށް މިމާއްދާ ހުރަހެއް ނާޅައެވެ.
14މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ.
35(ހ) ވަގުތު ނުވަތަ މުއްދަތު ވަކި ޤާނޫނެއްގެ ބޭނުމަށްޓަކައި ބަލަންޖެހިއްޖެހިނދެއްގައި، އެ ޤާނޫނުގައި އެހެންގޮތަކަށް ކަނޑައަޅާފައިނުވާނަމަ، ދެ ކަމެއްގެ ދޭތެރޭގައި ހިނގާ މުއްދަތަށް އިޝާރާތްކޮށްފައިވާނަމަ، އެ މުއްދަތު ގުނަންވާނީ އެ ދެ ކަމެއް ހިނގާ ދެ ދުވަސް ނުހިމަނައެވެ.
15HN1ވަޒީފާއާބެހޭ ޤާނޫނުގެ 28 ވަނަ މާއްދާގެ (ހ) ގެ ދަށުން މުއްދަތު ގުނާނެގޮތް ނުވަތަ މުއްދަތު ގުނުމުގައި ވަޒީފާއިން ވަކިކުރާ ތާރީޚާއި މުއްދަތު ހަމަވާ ތާރީޚް ހިމަނާނެކަމެއް ސާފެއްނޫނެވެ. އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ނިންމުމަށް ބަލާއިރު، 03 (ތިނެއް) މަސް ދުވަހުގެ މުއްދަތު ގުނާފައިވަނީ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހަމަތަކާ އެއްގޮތަށެވެ. އެއީ ވަޒީފާއިން ވަކިކުރާ ތާރީޚާއި 03 (މަސް) ދުވަހުގެ މުއްދަތު ނިމޭ ތާރީޚް ނުގުނައި އެ ދެމެދަށް 03 (ތިނެއް) މަސް ދުވަސް ހަމަވާގޮތަށެވެ. މިގޮތަށް ހައިކޯޓުން މާނަކޮށްފައިވަނީ މުއްދަތު ގުނުމުގައި މައްސަލަ ހުށަހަޅާ ފަރާތަށް އެންމެ ފުޅާ މިނުގައި އެ ޙައްޤު ލިބިދިނުމުގެ ގޮތުންކަމަށް ޤަބޫލުކުރެވެއެވެ. މިގޮތަށް މާނަކުރުން ޤާނޫނީގޮތުން ގޯސްވާ ސަބަބެއް އެޗްޑީސީއަށް ބުނެދެވިފައިނުވެއެވެ.
16ހުށަހެޅިފައިމިވާ މައްސަލައިގައި ފުތިޙަ ޝާކިރުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާފައިވަނީ 02 ޖުލައި 2023 ގައެވެ. އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ގަސައްޔާގަ (ތިނެއް) މަސް ދުވަހުގެ މުއްދަތު ގުނުމުން މުއްދަތު ހަމަވާ ތާރީޚަކީ 30 ޖޫން 2023 ކަމުގައި ބަޔާންކޮށްފައިވެއެވެ. ވަޒީފާއާބެހޭ ޤާނޫނަށް ބަލާއިރު "މަސް" ދުވަހަކީ ކޮބައިކަމެއް އެ ޤާނޫނުގައި މާނަކޮށްދީފައިނުވެއެވެ.
17އެޗްޑީސީގެ ފަރާތުން ބުނެފައިވަނީ އެކި މަހުގައި ހިމެނެނީ އެކި ޢަދަދުގެ ދުވަސްކަމަށްވާތީ، ވަޒީފާއިން ވަކިކުރާ ދުވަހާއި ޖެހިގެން އަންނަ ދުވަހުން ފެށިގެން އެއާ ކޮރެސްޕޮންޑްވާ ތާރީޚަށް މަސް ގުނުމުން މައްސަލަ ހުށަހަޅަން ލިބޭ ދުވަސް ތަފާތުވާކަމަށާއި މިގޮތަށް މުއްދަތު ގުނުމުން ޢަދުލުވެރި ނުވަތަ ހަމަހަމަ ނަތީޖާއެއް ނުނިކުންނަ ކަމަށެވެ.
18HN2މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ހ) ގައި ރައްޔިތުންގެ މަޖިލީހުން ޤާނޫނެއް ފާސްކުރުމުގައި، ވަކި ކަމެއް އެ ޤާނޫނުގައި ބަޔާންކުރުމަށް ބޭނުންކޮށްފައިވާ ބަސް ނުވަތަ ޢިބާރާތް ނުވަތަ ޖުމްލައިން ދޭހަވާ ޢާންމު މާނަ، އެގޮތުގައި ދެމެހެއްޓުމަށް އިސްކަންދޭންވާނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ވަކި ބަހެއް ނުވަތަ ޢިބާރާތެއް ނުވަތަ ޖުމްލައެއްގެ މާނަ ދެނެގަތުމަށްޓަކައި، އެ ޤާނޫނުގެ ބޭރުން ބޭނުންހިފިދާނެ ވަސީލަތްތަކުގެ ތެރޭގައި، އިތުބާރުހުރި ރަދީފެއްގައި އެ ބަހެއް ބޭނުންކޮށްފައިވާގޮތް ބޭނުންކުރެވިދާނެކަން މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވެއެވެ.
19ދިވެހިބަހުގެ އެކެޑެމީއިން އާންމުކޮށްފައިވާ ދިވެހިބަހުގެ ރަދީފުގައި "އަހަރު" ދުވަހަކީ އިރުމަހުގެ ބާރަ މަސް ދުވަސްކަމަށް ބަޔާންކޮށްފައިވެއެވެ. އަދި "މަސް" ދުވަހުގެ އާންމު މާނައަކީ އަހަރެއްގެ ބާރަބައި ކުޅަ އެއްބައިކަމަށް ބަޔާންކޮށްފައިވެއެވެ. "އަހަރު" ދުވަހު ގައި ހިމެނެނީ ތިންސަތޭކަ ފަސްދޮޅަސް ފަސް ދުވަސް، ފަސް ގަޑި، ސާޅީސް އަށް މިނެޓު ކަމަށްވާތީ، އެއީ މަހެއްގައި ނަމަ، ގާތްގަނޑަކަށް 30 ތިރީސް ދުވަހެވެ.
20އެހެންކަމުން، މުއްދަތު ގުނުމުގައި މަސް ދުވަސް ކަމުގައި ބަލަމުން އައިސްފައިވަނީ އޭގެ އާންމު މާނަކަމުގައިވާ 30 (ތިރީސް) ދުވަސް ކަމުގައި ބަލައިގެންކަމުގައި ދެކެމެވެ. އަދި އެކި މަސްތަކުގައި ދުވަހުގެ ތަފާތު ހުރުމުން، މައްސަލަ ހުށަހަޅާ ފަރާތްތަކަށް ހަމަހަމަކޮށް މުއްދަތު ލިބޭނީ މަސް ދުވަހަކީ 30 ދުވަސް ކަމުގައި ބަލައިގެން މުއްދަތު ގުނުމުންކަމަށް ޤަބޫލުކުރެވެއެވެ.
21HN3ފުތިޙަ ޝާކިރުގެ ފަރާތުން ވަޒީފާއިން ވަކިކުރި މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވަނީ 02 ޖުލައި 2023 ގައެވެ. ފުތިޙަ ޝާކިރު ވަޒީފާއިން ވަކިކުރި ދުވަހަކީ 29 މާރިޗް 2023 ގައި ކަމުގައިވާތީ، އެ ދުވަހާއި ވިދިގެން އަންނަ ދުވަހުން މުއްދަތު ގުނުމުން، 30 މާރިޗް 2023 ން ފެށިގެން 3 (ތިނެއް) މަސް ހަމަވާ ދުވަހަކީ 27 ޖޫން 2023 އެވެ. އެހެންކަމުން، މައްސަލަ ހުށަހެޅުމަށް އޮތް އެންމެ ފަހު ތާރީޚަކީ 28 ޖޫން 2023 އެވެ. ނަމަވެސް، 28 ޖޫން 2023 އަކީ ސަރުކާރު ބަންދު ދުވަހެއްކަމުގައިވާތީ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން، މައްސަލަ ހުށަހެޅުމުގެ އެންމެ ފަހު ދުވަހަކަށްވާނީ 28 ވަނަ ދުވަހާއި ވިދިގެން އަންނަ ރަސްމީ ބަންދު ނޫން ދުވަހުއެވެ. އެއީ 02 ޖުލައި 2023 އެވެ.
22މި މައްސަލައިގައި ހައިކޯޓުންނާއި ޓްރައިބިއުނަލުން 03 (ތިނެއް) މަސް ދުވަސް ހަމަވަނީ 30 ޖޫންއަށް ކަމަށް ބަޔާންކޮށްފައިވާތީ، މުއްދަތު ގުނާފައިވަނީ ވަޒީފާއިން ވަކިކުރާ ދުވަހާއި ޖެހިގެން އަންނަ ދުވަހުން ފެށިގެން އެއާ ކޮރެސްޕޮންޑްވާ ތާރީޚަށް މަސް ދުވަސް ހަމަވާގޮތަށް ބަލައިގެންކަމަށް ޤަބޫލުކުރެވެއެވެ. ނަމަވެސް، ހައިކޯޓުންވެސް މުއްދަތު ގުނާފައިވަނީ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ހ) އާ އެއްގޮތަށްކަމާއި، މި މައްސަލައިގައި ކޮންމެ ގޮތަކަށް މުއްދަތު ގުނި ކަމުގައިވީނަމަވެސް، ހައިކޯޓުންވެސް ފާހަގަކުރި ގޮތަށް މައްސަލަ ހުށަހެޅުމަށް ލިބޭ އެންމެ ފަހުގެ ތާރީޚަކީ 02 ޖުލައި 2023 ކަން އެނގެއެވެ.
ރަސްމީ ގަޑީގެ ބޭރުން ހުށަހެޅުން
23ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ފުތިޙަ ޝާކިރުގެ ފަރާތުން މައްސަލަ ހުށަހަޅާފައިވަނީ 02 ޖުލައި 2023 ގެ 14:11 ގައެވެ. މިކަމަށް ފުތިޙަ ޝާކިރުގެ ފަރާތުންވެސް އިންކާރެއް ނުކުރެއެވެ.
24އެޗްޑީސީގެ ފަރާތުން އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ގަޟިއްޔާ އިސްތިއުނާފު ކުރަމުން ބުނެފައިވަނީ ރަސްމީ ގަޑީގެ ބޭރުން 14:11 ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅި ހުށަހެޅުން ބަލައިގަންނަންޖެހޭކަމަށް ހައިކޯޓުން ކަނޑައަޅާފައިވަނީ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް ކަމަށެވެ.
25ހައިކޯޓުގެ ނިންމުމުގައި ބުނެފައިވަނީ ދުވަސް ނިމުމާ ހަމައަށް ކުރަން ފުރުސަތު އޮތް ކަމެއް އީމެއިލްގެ ޒަރީއާއިންނަމަ، އެ ދުވަހުގެ އެންމެ ފަހު ސިކުންތާ ހަމައަށްމެ އެކަމެއް ކުރުމަށް ޖާގަ ހުޅުވިފައި އޮންނާނެ ކަމަށް ބަލަން ޖެހޭކަމަށާއި، މައްސަލަ ހުށަހަޅާފައި ވަނީ އީމެއިލްގެ ޒަރީއާއިން ރަސްމީ ގަޑީގެ ފަހުން ކަމުގައި ވިޔަސް، މައްސަލަ ހުށަހެޅީ އެ ދުވަސް ފާއިތުވުމުގެ ކުރިން އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދު މައްސަލަ ހުށަހަޅާ ފޯމު ހުށަހެޅޭނެ ކަމަށް ބަޔާންކޮށްފައިވާ ގޮތްތަކުންކުރެ ގޮތެއްގެ މަތިން ކަމުގައި ވާތީ، އެ މައްސަލައަކީ އެ ދުވަހު ހުށަހެޅި މައްސަލައެއް ކަމުގައި ބެލެވޭނެ ކަމަށެވެ.
26މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ރ) ގައި ބުނެފައިވަނީ އަންނަނިވި ފަދައިންނެވެ.
35. (ރ) ވަކި ވަގުތެއްގައި ވަކިކަމެއް ރާއްޖޭގައި ކުރަންޖެހޭކަމަށް ބުނެފައިވާނަމަ، އެ ވަގުތު ބަލާނީ، ދިވެހިރާއްޖޭގެ ރަސްމީ ގަޑީގެ ވަގުތުގެގޮތުގައެވެ.
27ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ޤަވާއިދުގެ 8 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ ޓްރައިބިއުނަލްގެ ރަޖިސްޓްރީ ހުޅުވިފައި ހުންނާނީ، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ސަރުކާރުގެ ރަސްމީ ގަޑީގައިކަމަށެވެ. އަދި އެ ގަވާއިދުގެ 17 ވަނަ މާއްދާގައި ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅޭނެ ގޮތްތައް ބަޔާންކޮށްފައިވެއެވެ. އެ ގޮތުން، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ނުވަތަ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅާ ގޮތެއްގެ މަތީން އެ މައްސަލައެއް އުފެދުނު ރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް، ނުވަތަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އީމެއިލް މެދުވެރިކޮށް، ނުވަތަ ރަޖިސްޓަރޑް ޕޯސްޓް މެދުވެރިކޮށް ހުށަހެޅިދާނެކަމަށް އޮވެއެވެ.
28ހައިކޯޓުގެ ނިންމުމުގައި ޓްރައިބިއުނަލްގެ ރަސްމީ ގަޑިއާއި ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުން ފިޔަވައި މައްސަލަ ހުށަހެޅޭނެކަމަށް ބަޔާންކުރާ ދެންހުރި ގޮތްތަކާއި ގުޅުމެއް ނެތްކަމަށް ބަޔާންކުރުމަށްފަހު، ދުވަހުގެ އެންމެ ފަހު ވަގުތާ ހަމައަށް މައްސަލަ ހުށަހެޅުމުގެ ވަގުތު ދެމިގެންދާކަމަށް ކަނޑައަޅާފައިވަނީ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ރ) އާ ޚިލާފަށްކަމަށް ދެކެމެވެ.
29HN4ފުރަތަމަ ކަމަކަށް، ވަޒީފާއާބެހޭ ޤާނޫނުން ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން ވަކި މުއްދަތެއްގައި މައްސަލަ ހުށަހެޅުމުގެ ޙައްޤު ލިބިގެންވާކަމަށް ބަޔާންކޮށްފައިވާއިރު، އަދި މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގައި ވަގުތު ބަލާނީ ދިވެހިރާއްޖޭގެ ރަސްމީ ގަޑީގައިކަމަށް އޮތުމުން، އެކަމެއް ހުށަހެޅުމަށް ދީފައިވާ މުއްދަތަކީ ރަސްމީ ގަޑީގައި އޮންނަ ފުރުޞަތެއްކަމަށް ބަލަންޖެހެއެވެ.
30HN5ދެވަނަ ކަމަކަށް، ވަޒީފާއާބެހޭ ޓްރައިބިއުނަލަށާއި މައްސަލަ އުފެދުނު ރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް މައްސަލަ ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ ރަސްމީ ގަޑީގެ ވަގުތު، އެއީ ހެނދުނު 08:00 ން މެންދުރު 14:00 ގައި ކަމަށްވާއިރު، އީމެއިލް މެދުވެރިކޮށް ވަގުތު ގުނުމުގައި ދުވަހުގެ އެންމެ ހަމައަށް (އެބަހީ، މެންދަމު 12:00 އާ ހަމައަށް) މައްސަލަ ހުށަހެޅޭނެ ފުރުޞަތު އޮތްކަމަށް ހައިކޯޓުން ބުނުމަކީ ހަމަޖެހޭ ބުނުމެއް ކަމުގައި ނުދެކެމެވެ. ފިޒިކަލީ ކޯޓަށް މައްސަލަ ހުށަހަޅާ މީހަކަށް ވަގުތު ހަނިވެފައި، އެހެން މީޑިއަމަކުން މައްސަލަ ހުށަހަޅާ މީހަކަށް ދުވަސް ނިމޭ އެންމެ ފަހު ވަގުތާ ހަމައަށް ވަގުތު ދެމިގެންދާކަމަށް މާނަކުރުމުން، ވަކި މީޑިއަމަކުން މައްސަލަ ހުށަހަޅާ ފަރާތަކުން މައްސަލަ ހުށަހެޅުމަށް ނިންމީ ވަކި މީޑިއަމަކުން ކަމުގައިވާތީ، ވަގުތު ގިނަވާގޮތަށް މާނަކުރެވިދާނެކަމަށް ނުދެކެމެވެ.
31އެހެންކަމުން، އީމެއިލްގެ ޒަރީއާއިން ދުވަސް ނިމުމާ ހަމައަށް މައްސަލަ ހުށަހެޅުމުގެ ފުރުޞަތު ލިބިގެންވާކަމަށް މާނަކުރާނަމަ، މިއީ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ
(ރ) އާ ޚިލާފަށް ކުރެވޭ މާނަކުރުމެއް ކަމުގައިދެކެމެވެ.
32HN6އެހެންކަމުން، މި މައްސަލައަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ބެލުމުގެ އިޚްތިޞާޞް ލިބިގެންނުވާ މައްސަލައެއްކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވަނީ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ކަމަށް ދެކެމެވެ. އަދި އިސްތިއުނާފުކުރެވޭ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-A/376 ގަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ކޮށްފައިވާ ޙުކުމެއް ކަމަށް ނުވާތީ، އެ ގަޟިއްޔާގެ ޙުކުމް ބާޠިލުކުރަންޖެހޭކަމަށް ދެކެމެވެ.
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު
33މި މައްސަލައިގައި ފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު
34މި މައްސަލައިގައި ފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ. އުކުމް ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންކަން އެގޮތަށްހުރުމާއެކު، އިސްތިއުނާފުކުރެވޭ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-A/376 ގަޟިއްޔާގައި ކޮށްފައިވާ އުކުމަކީ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ކޮށްފައިވާ އުކުމެއް ކަމަށް ނުވާތީ، އެ ގަޟިއްޔާގެ އުކުމް ބާޠިލުކަމަށް މި މައްސަލަ ސުޕްރީމް ކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން އުކުމްކޮށްފީމެވެ. މި ޤަޟިއްޔާ ބަލައި އުކުމް ކުރީ: މިއަގެ މުޙައްމަދު އިބްރާހީމް އުސައިން (ސަރަހީދު (ރިޔާސަތު) އަލީ ޢަލީ ރަޟީދު އުސައިން
ފުޓްނޯޓު
- ހައުސިންގ ޑެވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ނަންބަރު HDC-49/TE/2023 ޗިޓް
- ގަވާއިދު ނަންބަރު 2022/R-14
- އބމ
- "ރަޖިސްޓްރާގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތުގެ ރިޕޯޓް" (އެންޓްރީ ނަންބަރު 3918/2023)
- ޤާނޫނު ނަންބަރު 2/2008
- ޤާނޫނު ނަންބަރު 4/2011
- އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ނަންބަރު 2023/HC-/A376 ގަޟިއްޔާގެ 14 ވަނަ ޕެރެގްރާފް
- radheef.mv/app/
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 28 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 11 ވަނަ މާއްދާގެ (ށ)
- ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 35 ވަނަ މާއްދާގެ (ހ)، (ށ) އަދި (ރ)
- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދު (ގަވާއިދު ނަންބަރު 2022/R-14) ގެ 8 ވަނަ މާއްދާގެ (ހ)، 17 ވަނަ މާއްދާ އަދި 26 ވަނަ މާއްދާގެ (ނ)
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.