ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ފަވާޒު ލުޠުފީ
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- 2026/HC-B12/16
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ކްރިމިނަލް ކޯޓުން، ޖިންސީ ޢަމަލެއް ހިންގިކަމަށާއި ޖިންސީ ނިޔަތެއް އޮތްކަމަށް ހެއްކެއް ނެތުމުން، 115 (ހ) ގެ ދަށުން މަދަނީ މިންގަނޑުން މައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށް ނިންމައި ދަޢުވާ ބާޠިލުކުރިއެވެ. ހައިކޯޓުގެ އަޣްލަބިއްޔަތުން، ޤާނޫނު ނަންބަރު 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 9 ވަނަ މާއްދާގެ ޖިންސީ ޢަމަލުގައި މާއްދީ ބީހުމެއް ހިމެނެންޖެހޭކަމަށް ބަލައި ކްރިމިނަލް ކޯޓުގެ ނިންމުން ދެމެހެއްޓިއެވެ (ފަނޑިޔާރު ފާޠިމަތު ފަރުހީޒް ތަފާތު ރައުޔަކާއެކު).
- ވާޤިޢާ
- 2021 ވަނަ އަހަރު މުޙައްމަދު ފަވާޒު ލުޠުފީ، ސްނެޕްޗެޓުގައި "Kamanasall" ނަމުގައި އަންހެނެއްގެ ގޮތުގައި ދައްކައިގެން، ޝިކާރައަކަށްވި ފިރިހެނަކާ ގާތްގަނޑަކަށް 7 މަސް ޗެޓްކޮށް، އޭނާގެ އޮރިޔާން ފޮޓޯ/ވީޑިއޯ ހޯދުމަށްފަހު، ފައިސާ ނުދީފިނަމަ ލީކުކޮށްލާނެކަމަށް ބިރުދައްކައި ބްލެކްމެއިލްކުރިކަމަށް ޖިންސީ ކުށުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ ދަށުން ދަޢުވާކުރިއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- މުވާޞަލާތީ ވަސީލަތްތަކުން އޮރިޔާންކާޑު ހޯދަން އެދި، ލިބިގަނެ، އެއިން ބްލެކްމެއިލްކުރުމުގެ ޢަމަލަކީ ޖިންސީ ކުށުގެ ޤާނޫނުގެ 35 ވަނަ މާއްދާއާއި 9 ވަނަ މާއްދާގެ ދަށުން "ޖިންސީ ޢަމަލެއް" ކަމުގައި ވުމަށް މާއްދީ ބީހުމެއް ލާޒިމުވޭތޯ؛ އަދި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 115 (ހ) ގެ ދަށުން މަދަނީ މިންގަނޑުން މައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށް ކްރިމިނަލް ކޯޓުން ނިންމުން ރަނގަޅުތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ދައުލަތުން ބުނީ ހައިކޯޓުން ޤާނޫނު ނަންބަރު 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 9 ވަނަ މާއްދާ މާނަކޮށް ޖިންސީ ކުށުގެ ޤާނޫނުގެ 35 ވަނަ މާއްދާ ތަޠުބީޤުކޮށްފައިވަނީ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާއާ ޚިލާފަށް ކަމަށެވެ. ދިފާޢުން ބުނީ ޖިންސީ ކުށުގެ ޤާނޫނުގެ 9 ވަނަ މާއްދާގެ ޢަމަލުތަކަކީ ޖިންސީ ނިޔަތެއްގައި ޖިންސީ ގުނަވަނަކާ މާއްދީ ގޮތުން ބީހިގެން ކުރާ ޢަމަލުތައް ކަމަށާއި، ފަވާޒުގެ މަޤުޞަދަކީ ފައިސާ ހޯދުން ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ޖިންސީ ޢަމަލަކީ މާއްދީ ބީހުމަށް ހަނިކުރެވޭ ޢަމަލެއް ނޫނެވެ. 7 މަސްދުވަހުގެ ޗެޓްތަކުގައި ޖިންސީ ޣަރީޒާ އުފެއްދުމަށް މަސައްކަތްކޮށް ބަރަހަނާ މަންޒަރު ތަބާދުލުކުރެވިފައިވާކަމަށް ތަޙްޤީޤު ބަޔާން، ފޮރެންސިކް ރިޕޯޓު، ޗެޓްލޮގް ފަދަ ހެކި ހުށަހަޅާފައިވާތީ، prima facie މަރުޙަލާގައި ޖިންސީ ނިޔަތެއް އޮވެގެން ހިނގި ޢަމަލެއްކަން ޤަބޫލުކުރެވޭނެ ޖާގަ އޮވެއެވެ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުހައިކޯޓުގެ ޙުކުމް ބާޠިލު؛ ދަޢުވާ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެކަމަށް ކަނޑައަޅައި، 7 ދުވަހުގެ ތެރޭގައި އަލުން ހުށަހަޅައިފިނަމަ އޮތް ހިސާބުން ކުރިއަށް ގެންދިއުމަށް ކްރިމިނަލް ކޯޓަށް އެންގި
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ޖިންސީ ކުށުގެ ޤާނޫނުގެ 35 ވަނަ މާއްދާގައި ރޭޕް، ޖިންސީ އަނިޔާ އަދި ޖިންސީ ގޯނާ ބަޔާންކުރަނީ "ކުށް" ގެ ގޮތުގައި ކަމަށްވާއިރު، "ޖިންސީ ޢަމަލު" ބަޔާންކުރުމުގައި "ކުށް" މި ލަފްޒު ބޭނުންކޮށްފައި ނުވާތީ، ޖިންސީ ޢަމަލަކާ ގުޅުވައިގެން ބްލެކްމެއިލްކުރުމުގެ ކުށް ފުރިހަމަވުމަށް ޖިންސީ ޢަމަލުގެ ކުށެއް ކޮށްފައި އޮތުން ލާޒިމެއް ނުކުރެއެވެ؛ ލާޒިމުކުރަނީ ޖިންސީ ޢަމަލެއްކަމަށް ބެލެވޭފަދަ ޢަމަލެއް ބްލެކްމެއިލްގެ ކުރިން ހިނގާފައިވުމެވެ.
HN2 ޖިންސީ ކުށުގެ ޤާނޫނުގެ 9 ވަނަ މާއްދާގެ ދަށުން ޒިނޭކުރުމާއި ޖިންސީ ގުނަވަނެއްގައި އަތްލުމަކީ ޖިންސީ ނިޔަތް ސާބިތުކުރުމަކާ ނުލައި ޖިންސީ ޢަމަލުތަކެވެ. އެނޫން ޢަމަލުތައް ޖިންސީ ޢަމަލުގެ ތެރެއަށް ވަންނަނީ، އެކަށީގެންވާ މީހެއްގެ ވިސްނުމުން ވިސްނާއިރު އެ ޢަމަލު ހިންގީ ޖިންސީ ނިޔަތެއް އޮވެގެންކަމަށް، ނުވަތަ ޖިންސީ ނިޔަތެއް ނޫން އެހެން ސަބަބަކާހުރެ ހިންގިކަމަށް ނުބެލެވޭނެކަމަށް ޤަބޫލުކުރެވޭ ސަބަބުތައް ފެންނަން ހުރުމުންނެވެ.
HN3 "ގުނަވަނަކާމެދު… އެހެން ޢަމަލެއް ހިންގުން" މި ޢިބާރާތަކީ "އަތްލުން" ނޫން އެހެން ޢަމަލުތައް ޝާމިލުކުރުމަށް ހިމަނާފައިވާ ޢިބާރާތެކެވެ؛ މިތަނުގައިވެސް ޖިސްމާނީ ބީހުން ލާޒިމުކުރާނަމަ ޤާނޫނުގެ ޢިބާރާތް ބޭކާރުވާނެއެވެ (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ ޢާއްމު މާނަ ދެމެހެއްޓުމުގެ އުޞޫލު). އެހެންކަމުން "ޖިންސީ ޢަމަލު" އަކީ ހަމައެކަނި މާއްދީ ބީހުމުގެ މައްޗަށް ހަނިކުރެވޭ ޢަމަލެއް ނޫނެވެ؛ އަތްލުމަކާ ނުލައިވެސް މީހެއްގެ ހަށިގަނޑަށް އަމާޒުކޮށް ނުވަތަ ހަށިގަނޑާ ގުޅޭގޮތުން ޖިންސީ ތަޞައްވުރެއް އުފެދޭގޮތަށް އެކި ވަސީލަތްތަކުން ހިންގާ ޢަމަލުތައް އޭގެ ތެރޭގައި ހިމެނެއެވެ.
HN4 އޮރިޔާން ފޮޓޯ/ވީޑިއޯ ފޮނުވުމަށް ބާރުއަޅައި، އަނެކާގެ ޖިންސީ ޣަރީޒާ އުފެއްދުމަށް އެކި ވަސީލަތްތަކުން ކުރާ މަސައްކަތްތަކަކީ ޖިންސީ ކުށުގެ ޤާނޫނުގެ ބޭނުމަށް ޖިންސީ ޢަމަލުގެ ތެރޭގައި ހިމެނިދާނެ ކަންތައްތަކެކެވެ؛ އޮރިޔާންކާޑު ތަބާދުލުކުރުމުގައި ޖިންސީ ނިޔަތެއް އޮތްކަން ދޭހަވާ ސަބަބުތައް ފެންނަން ހުރިނަމަ، އެއާ ވިއްދައިގެން ކުރާ ބްލެކްމެއިލަކީ ޖިންސީ ޢަމަލަކާ ގުޅިފައިވާ ބްލެކްމެއިލެކެވެ.
HN5 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 115 (ހ) ގެ ދަށުން މަދަނީ މިންގަނޑުން ބެލުމަކީ ކުށާ ގުޅޭ މައުޟޫޢީ ނިންމުމެއް ނޫނެވެ؛ އެއީ ދަޢުވާ ފޯމާއެކު ހުށަހަޅާފައިވާ އެންމެހައި ލިޔުންތަކާއި ހެކިތައް ޖުމްލަކޮށް ބަލައި، ތުހުމަތުކުރެވޭ މީހާ ކުށް ކޮށްފައިވާކަމުގެ ތުހުމަތު އުފެދޭ މިންވަރަށް (prima facie) ހެކި ހުރިތޯ ބެލުމެވެ. ކުށް ސާބިތުކުރުމަށް ފުދޭ ހެކި ހުރިތޯ ނުވަތަ ކުށުގެ ރުކުންތައް ފުރިހަމަވޭތޯ ތަފްސީލީކޮށް ބެލުމަކީ މި މަރުޙަލާގައި ކުރަންޖެހޭ ކަމެއް ނޫނެވެ.
HN6 ވަކި ޢަމަލެއް ވަކި މާނައެއްގެ ތެރޭގައި ހިމެނޭތޯ ކަނޑައެޅުމުގައި، ޢަމަލުގެ ބާވަތާއި، އެކަން ހިނގި ޙާލަތާއި، އެއީ ޖިންސީ ނިޔަތެއް އޮވެގެން ކުރި ކަމެއްކަން ނުވަތަ އެހެން މަޤުޞަދެއްގައި ކުރި ކަމެއް ނޫންކަން ބުއްދިވެރި އާއްމު މީހެއްގެ ނަޒަރުން ޤަބޫލުކުރެވޭތޯ ޝަރީޢަތުން ބަލަންޖެހޭނެއެވެ. ފައިސާ ހޯދުމަކީ ފޮރުވިފައިވާ އަޞްލު މަޤުޞަދަށް ވިޔަސް، އޭގެ ކުރިން ޝަހުވާނީ އެދުން ފުއްދުމަށް މަސައްކަތްކޮށް ބަރަހަނާ މަންޒަރު ތަބާދުލުކޮށްފައިވާނަމަ، prima facie މަރުޙަލާގައި ޖިންސީ ނިޔަތެއް އޮވެގެން ހިނގި ޢަމަލެއްކަން ޤަބޫލުކުރެވޭނެ ޖާގަ އޮވެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޢަބްދުލްޣަނީ މުޙައްމަދު، ޢަލީ ރަޝީދު ޙުސައިން، ޢަބްދުﷲ ޙަމީދު
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު..... 17
ފަނޑިޔާރު ޢަބްދުﷲ ޙަމީދުގެ ރައުޔު..... 17
ޙުކުމް..... 17. بـ إِسْرَائِرَ إِلَيْهِمِ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ފަވާޒު ލުޠުފީ [2026] SC 28 އުއްތަމަ ފަނޑިޔާރު ޢަބްދުލްޢަނީ މުޙައްމަދުގެ ރައުޔު (ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު ޢަބްދުﷲ ޙަމީދު ތާއީދު ކުރައްވާފައި)
ތަޢާރުފު
1މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2026/HC-B12/16 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހު (މީގެ ފަހުން: "ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް" ނުވަތަ "ދައުލަތް") ގެ ފަރާތުން މި ކޯޓަށް ހުށަހެޅުމުން، ބަލާފައިވާ އިސްތިއުނާފީ މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ސ. ފޭދޫ، […] މުޙައްމަދު ފަވާޒު ލުޠުފީ އެވެ.
މައްސަލައިގައި ކަންހިނގާފައިވާ ގޮތް
22021 ވަނަ އަހަރުތެރޭގައި ސްނެޕްޗެޓުން "Kamanasall" މި ނަމުގައި ހަދާފައިވާ އައިޑީއަކުން މުޙައްމަދު ފަވާޒު ލުޠުފީ، އޭނާއަކީ އަންހެނެއްކަމަށް ދައްކުވައިދީ ޙަޤީޤަތް އޮޅުވާލައިގެން އަޙްމަދު (މީގެފަހުން "އަޙްމަދު") އާ ސްނެޕްޗެޓް މެދުވެރިކޮށް ޗެޓްކޮށް، އަޙްމަދުގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ ފޮނުވުމަށް މުޙައްމަދު ފަވާޒު ލުޠުފީ އެދުމުން، އަޙްމަދު ފޮނުވި އޭނާގެ އޮރިޔާން މަންޒަރު ފެންނަ ފޮޓޯ އަދި ވީޑިއޯ އެހެން ފޯނަކުން ވީޑިއޯކޮށް، މުޙައްމަދު ފަވާޒު ލުޠުފީ ބުނި ޢަދަދަށް ފައިސާ ނުދީފިނަމަ އެ ފޮޓޯ އަދި ވީޑިއޯ ލީކު ކޮށްލާނެކަމަށްބުނެ އަޙްމަދަށް ބިރުދައްކައި، ބްލެކްމެއިލްކުރުމުގެ ތުހުމަތު މުޙައްމަދު ފަވާޒު ލުޠުފީގެ މައްޗަށް ކުރެވުނެވެ.
3މި ތުހުމަތާ ގުޅިގެން، ޖިންސީ ކުށުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެ މާއްދާގެ
(ށ) ގެ ދަށުން ބްލެކްމެއިލްކުރުމުގެ ދަޢުވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން މުޙައްމަދު ފަވާޒު ލުޠުފީގެ މައްޗަށް އުފުލިއެވެ. ކްރިމިނަލް ކޯޓުގައި މި މައްސަލައަށް ދެވިފައިވާ ޤަޟިއްޔާ ނަންބަރަކީ، 769/Cr-C/2025 އެވެ.
ކްރިމިނަލް ކޯޓުން ނިންމިގޮތް
4ކްރިމިނަލް ކޯޓުގެ ނަންބަރު 769/Cr-C/2025 ޤަސިއްޔާއާ ގުޅިގެން ނަންބަރު 145-B10(769-2025)2026/01 "މަދަނީ މިންގަނޑުން ބަލާއިރު މައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށް ނިންމި ނިންމުން" އިން، މި ދަޢުވާ ސާބިތުކުރުމަށްޓަކައި ދައުލަތުން ހުށަހަޅާފައިވާ ހެކިތައް ވަޒަންކުރިއިރު، މި ދަޢުވާ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ތަނެއް އޮތްކަމަށް ނުފެންނާތީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 115 ވަނަ މާއްދާގެ (ހ) ގެ ދަށުން މި ދަޢުވާ މަދަނީ މިންގަނޑުން ބަލާއިރު ކުރިއަށް ގެންދެވެން ނެތްކަމަށް ކަނޑައަޅައި، މުޙައްމަދު ފަވާޒު ލުޠުފީގެ މައްޗަށް ދައުލަތުން ހުށަހަޅާފައިވާ ބްލެކްމެއިލްކުރުމުގެ ކުށުގެ ދަޢުވާ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 115 ވަނަ މާއްދާގެ (ހ) ގެ ދަށުން ބާޠިލުކަމަށް ކަނޑައަޅާފައި ވެއެވެ.
5ކްރިމިނަލް ކޯޓުގެ މި ނިންމުން މައިގަނޑު ގޮތެއްގައި ބިނާކޮށްފައިވަނީ؛
5.1 ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މުޙައްމަދު ފަވާޒު ލުޠުފީގެ މައްޗަށް ޖިންސީ ކުށުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ ދަށުން ބްލެކްމެއިލްކުރުމުގެ ކުށުގެ ދަޢުވާކޮށްފައިވަނީ "ޖިންސީ ޢަމަލެއް" ހިންގުމަށްފަހު އެކަމާ ވިއްދައި ބްލެކްމެއިލްކޮށްފައިވާތީ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ފާހަގަކޮށްފައިވީނަމަވެސް، ޖިންސީ ޢަމަލެއް މުޙައްމަދު ފަވާޒު ލުޠުފީ ހިންގިކަމަށް ބާރުދޭ އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާކަމަށް، އަދި
5.2 މި މައްސަލައިގައި މުޙައްމަދު ފަވާޒު ލުޠުފީގެ ޝަހުވާނީ އެދުމެއް އޮތްކަން ނުވަތަ އެފަދަ ނިޔަތެއް އޮތްކަން ދަލާލަތުކޮށްދޭ އެއްވެސް ސަބަބެއް އަދި ހެއްކެއްވިޔަސް ދައުލަތުން ހުށަހަޅާފައި ނެތްކަމަށެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމި ގޮތް
6އިސްވެ ބަޔާންކުރެވުނު ކްރިމިނަލް ކޯޓުގެ ނިންމުން ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. ހައިކޯޓުގެ ނަންބަރު 2026/HC-B12/16 ޤަޟިއްޔާއިން އިސްތިއުނާފު މައްސަލަ ބެލި ފަނޑިޔާރުންގެ އަޢުލަބިއްޔަތުން ނިންމާފައިވަނީ، ކްރިމިނަލް ކޯޓުގެ ނަންބަރު 769/Cr-C/2025 ޤަޟިއްޔާއާ ގުޅިގެން ނިންމާފައިވާ އެ ކޯޓުގެ ނަންބަރު 145-B10(769-2025)2026/01 "މަދަނީ މިންގަނޑުން ބަލާއިރު މައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށް ނިންމި ނިންމުން" އަށް ބަދަލުގެންނަންޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށެވެ.
7ހައިކޯޓުން މި ނިންމުމަށް ވާސިލުވި މައިގަނޑު ސަބަބުތަކަކީ؛
7.1 ޖިންސީ ކުށުގެ ޤާނޫނުގެ 9 ވަނަ މާއްދާގައި "މީހެއްގެ ޖިންސީ ގުނަވަނަކާމެދު ނުވަތަ ޖިންސީ ގުނަވަން ނޫން ގުނަވަނަކާމެދު، އެހެން ޢަމަލެއް ހިންގުން" ކަމަށް ބުނެފައި އެވަނީ، މީހެއްގެ އަތް ނޫން އެހެން ގުނަވަނެއް ބޭނުންކޮށްގެންވިޔަސް ނުވަތަ އެއްވެސް އާލާތެއް/އެއްޗެއް ބޭނުންކޮށްގެންވިޔަސް، ނުވަތަ އެއްވެސް އާލާތެއް/އެއްޗެއް ބޭނުން ނުކޮށްވިޔަސް އެހެން މީހެއްގެ ޖިންސީ ގުނަވަނަކާމެދު ނުވަތަ ޖިންސީ ގުނަވަން ނޫން ގުނަވަނަކާމެދު ޖިސްމާނީގޮތުން/މާއްދީގޮތުން ބީހުމުގެ ޢަމަލެއް ހިންގުންކަމުގައި މާނަ ކުޕްރޮން.
7.2 އަދި އެފަދަ ޖިސްމާނީ/މާއްދީ ބީހުމުގެ ޢަމަލުތައްވެސް އެ ޤާނޫނުގެ ބޭނުމަށްޓަކައި "ޖިންސީ ޢަމަލު" ގެ ދާއިރާގެ ތެރެއަށް ވަންނާނީ، އެ މާއްދާގައި ބުނާފަދައިން އެކަށީގެންވާ ވިސްނުމަކުން ވިސްނާއިރު، މީހަކު އެހެން އެހިންގި ޢަމަލެއް އެ ހިންގީ ޖިންސީ ނިޔަތެއް އޮވެގެންކަމަށް ޤަބޫލުކުރެވޭ ޢަމަލެއްކަމުގައި އެ ޢަމަލު ވާނަމަކަމަށް ދެކިގެންކަން.
7.3 އަޙްމަދުގެ ކިބައިން އޮރިޔާން ކާޑު (އޮރިޔާން ފޮޓޯ/ވީޑިއޯ) ފޮނުވުމަށް މުޙައްމަދު ފަވާޒު ލުޠުފީ އެދުނުކަމާއި، އަޙްމަދު އޮރިޔާން ކާޑު ފޮނުވިކަމާއި އަޙްމަދު ފޮނުވި އޮރިޔާން ކާޑު މުޙައްމަދު ފަވާޒު ލުޠުފީ ލިބިގަތްކަމުގެ މައްޗަށް ހެކިހުރުމަކީ ޖިންސީ ކުށުގެ ޤާނޫނުގެ 35 ވަނަ މާއްދާގައި ބަޔާންކުރާ ބްލެކްމެއިލްކުރުމުގެ ކުށް ސާބިތުކުރުމަށްޓަކައި ފުދޭ ހެއްކެއް ނޫންކަމުގައި ބެލެވުން.
7.4 މަދަނީ މިންގަނޑުން ބަލާއިރު މައްސަލަ ކުރިއަށް ގެންދެވެން ނެތްކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނީ އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި ކަމަށްވީނަމަވެސް އެއީ އެފަދަ ނިންމުމެއް ނިންމުމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ކަނޑައަޅާފައިވާ އިޖުރާއީ ތަރުތީބާ ޚިލާފު ނިންމުމެއްކަމުގައި ބެލެވެން ނެތްކަން؛ މިއެވެ.
ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވުނު ނުކުތާ
8ހައިކޯޓުގެ ނަންބަރު 2026/HC-B12/16 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ އެންމެ ނުކުތާއެކެވެ. އެއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2026/HC-B12/16 ޤަޟިއްޔާގެ ނިންމުމުގައި ޖިންސީ ކުށުގެ ޤާނޫނުގެ 9 ވަނަ މާއްދާ މާނަކޮށް، އެ ޤާނޫނުގެ 35 ވަނަ މާއްދާ ތަޠުބީޤުކޮށްފައިވަނީ، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާއާ ޚިލާފަށްކަމުގައިވުން؛ މިއެވެ.
އިސްތިއުނާފީ ނުކުތާއަށް ދީފައިވާ ރައްދު
9މި މައްސަލައިގައި އިސްތިއުނާފު ކުރެވުނު ނުކުތާގެ ޖަވާބުގައި މުޙައްމަދު ފަވާޒު ލުޠުފީގެ ފަރާތުން މައިގަނޑު ގޮތެއްގައި ބުނެފައިވަނީ؛
9.1 ޖިންސީ ކުށުގެ ޤާނޫނުގެ 9 ވަނަ މާއްދާ އަށް ބަލާއިރު އެ މާއްދާއަކީ ޖިންސީ ނިޔަތް ދެނެގަންނަ އަދި ޖިންސީ ޢަމަލު ދެނެގަންނަ މާއްދާކަމާއި، އެ މާއްދާގައި ބުނެފައިވާ ޢަމަލުތަކަކީ ސީދާގޮތެއްގައި ޖިންސީ ނިޔަތެއް އޮވެގެން ޖިންސީ ގުނަވަނަކާ ފިޒިކަލީ ބެހިގެން [މާއްދީ ގޮތުން ބީހިގެން] ކުރާ މަށެވެ.
9.2 އަދި ޖިންސީ ކުށުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ ދަށުން ކުށް ތަޖްރީމް ކުރުމުގައި އަދި ކުށެއް ހިނގާފައިވާކަން ދެނެގަތުމަށްޓަކައި އެ މާއްދާގައި ބަޔާންކުރާ 4 ކަންތަކުގެ ތެރެއިން ކަމެއް ފުރިހަމަވެފައި އޮންނަންވާނެ ކަމަށެވެ.
9.3 އަދި މާނަ ކުރުމުގެ ހަމަތައް ބަޔާންކުރާ ޤާނޫނުގެ 3 ވަނަ މާއްދާގައި ބުނާ އެއްވެސް އުޞޫލެއް ތަޠްބީޤު ކޮށްފައި ނުވާކަމަށާއި، ނަމަވެސް މާނަ ކުރުމުގެ ހަމަތައް ބަޔާންކުރާ ޤާނޫނަށް ޙަވާލާ ދިނުމަށްފަހު ޤާނޫނުތަކުގައި ޖިންސީ ޢަމަލު މާނަކޮށްފައިވާގޮތް ގެނެސްދީފައި އޮތުމަކީ މާނަ ކުރުމެއްކަމަށް ނުދެކޭކަމަށާއި އެއީ ޙައްލު ހޯދުމަށް މަސައްކަތް ކުރުންކަމަށެވެ.
9.4 އެހެންކަމުން، ދައުލަތުގެ އިސްތިއުނާފީ ނުކުތާއާއި، އެ ނުކުތާ ބިނާކުރި ޤާނޫނީ އަސާސްތައް މި މައްސަލައަށް އެޕްލައި ކުރެވޭނެ ހަމައެއް އޮތްކަމަށް ނުދެކޭކަމަށް މުޙައްމަދު ފަވާޒު ލުޠުފީގެ ފަރާތުން ފާހަގަކުރެއެވެ.
ގޮތް ކަނޑައަޅަންޖެހޭ ނުކުތާ
10މައްސަލައިގައި ހިމެނޭ ދެފަރާތުން ހުށަހެޅި ހުށަހެޅުންތަކަށާއި މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު މި މައްސަލައިގައި ގޮތް ކަނޑައަޅަންޖެހޭ ނުކުތާއަކީ، މުވާސަލާތީ އަދި ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް، މީހެއްގެ ޖިންސީ ގުނަވަން ހާމަވާ ފަދަ އޮރިޔާންކާޑު (ފޮޓޯ ނުވަތަ ވީޑިއޯ) ހޯދަން އެދުމާއި، އެ ތަކެތި ލިބިގަނެ ރައްކާކުރުމަށްފަހު، އެ ބޭނުންކޮށްގެން ބްލެކްމެއިލްކުރުމުގެ މުޅި ޢަމަލަކީ، ޖިންސީ ކުށުގެ ޤާނޫނުގެ 35 ވަނަ މާއްދާއާއި 9 ވަނަ މާއްދާގެ ދަށުން "ޖިންސީ ޢަމަލެއް" ކަމުގައި ކަނޑައެޅުމުގައި މާއްދީ ބީހުމެއް އޮތުން ޤާނޫނީ ގޮތުން ލާޒިމުކުރެވިދާނެތޯ ނުވަތަ ނޫންތޯ؟ މިއެވެ. އޮރިޔާން ކާޑު ހޯދައި އެއިން ބްލެކްމެއިލްކުރުމުގެ ޢަމަލަކީ ޖިންސީ ޢަމަލެއްތޯ ބެލުން
11ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން މުޙައްމަދު ފަވާޒު ލުޠުފީގެ މައްޗަށް ކޮށްފައިވާ ދަޢުވާގައި ބުނެފައިވަނީ، މުޙައްމަދު ފަވާޒު ލުޠުފީގެ މައްޗަށް މި ދަޢުވާކޮށްފައިވަނީ، ޤާނޫނު ނަންބަރު 17/2014 (ޖިންސީ ކުށުގެ ޤާނޫނު) 35 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެމާއްދާގެ (ށ) ގެ ދަށުންކަމަށެވެ. މި ދަޢުވާ ކޮށްފައިވާ ސަބަބަކީ، މުޙައްމަދު ފަވާޒު ލުޠުފީ، 2021 ވަނަ އަހަރުގެ ތެރޭގައި ސްނެޕްޗެޓްއިން (Kamanasall) ޔޫސަރނޭމްގައި ހަދާފައިވާ އައިޑީއަކުން މީނާއަކީ އަންހެނެއްކަމަށް ދައްކައި ހަގީގަތް އޮޅުވާލައިގެން، އަޙްމަދުއާ އޭނާގެ ސްނެޕްޗެޓް އައިޑީ މެދުވެރިކޮށް ޗެޓްކޮށް، އަޙްމަދުގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ ފޮނުވުމަށް މީނާ އެދުމުން، އަޙްމަދު ފޮނުވި އޭނާގެ އޮރިޔާން މަންޒަރު ފެންނަ ފޮޓޯ އަދި ވީޑިއޯ އެހެން ފޯނަކުން ވީޑިއޯކޮށް، މީނާ ބުނި ޢަދަދަކަށް ފައިސާ ނުދީފިނަމަ، އެ ފޮޓޯ އަދި ވީޑިއޯ ލީކްކޮށްލާނެ ކަމަށް ބުނެ، އަޙްމަދު އަށް ބިރުދައްކާ އަޙްމަދު ބްލެކްމެއިލް ކޮށްފައިވާތީ، ކަމަށެވެ.
12އެ ދަޢުވާއާ ގުޅިގެން ކްރިމިނަލް ކޯޓުގައި މައިގަނޑު ގޮތެއްގައި ދިފާޢީ ވަކީލު ފާހަގަކޮށްފައިވާ ކަންކަމަކީ؛
12.1 ދަޢުވާގައި ބުނާ ބްލެކްމެއިލްކުރުމުގެ ޢަމަލު ހިނގާފައިވަނީ، ދަޢުވާ ލިބޭ ފަރާތުން ކުށުގެ ޝިކާރައަކަށްވީ ފަރާތް ރޭޕްކުރުމަށްފަހުގައިކަން، ނުވަތަ ޖިންސީ ގޯނާ ކުރުމަށްފަހުގައިކަން، ނުވަތަ ޖިންސީ ޢަމަލެއް ހިންގުމަށްފަހުގައިކަން ސާފު ނުވާކަމަށާއި، ދަޢުވާގައި ބުނެފައިވާ ބްލެކްމެއިލްގެ ޢަމަލު ވާންޖެހޭނީ، ކުރިން މި ބަޔާންކުރެވުނު ރޭޕްކުރުން ނުވަތަ ޖިންސީ ގޯނާ ކުރުން ނުވަތަ ޖިންސީ ޢަމަލެއް ހިންގުމަށްފަހު، މިއިން ކަމަކާ ވިއްދައިގެން ކުރި ޢަމަލަކަށް ކަމަށެވެ.
12.2 ޖިންސީ ކުށުގެ ޤާނޫނުގައި ޖިންސީ ޢަމަލު މާނަކޮށްފައިވާ ގޮތަށާއި، އަދި އެ ޤާނޫނުގައި "ޖިންސީ ޢަމަލު" މި ލަފުޒު ބޭނުންކޮށްފައިވާ އެހެނިހެން ކުށް ބަޔާންކުރާ މާއްދާއަށް ބަލާއިރުވެސް، އަދި ޤާނޫނުލްއުޤޫބާތުގައި "ޖިންސީ ޢަމަލު" މާނަކޮށްފައިވާ ގޮތަށް ބަލާއިރު، ތުހުމަތުކުރެވޭ މީހާ ނުވަތަ ދަޢުވާލިބޭ މީހާގެ ޢަމަލު ވާންޖެހޭނީ ޝަހުވާނީ އެދުންވެރިކަމެއް ނުވަތަ ޖިންސީ އެދުންވެރިކަމެއްގެ މައްޗަށް ބިނާކޮށްފައިވާ ޢަމަލަކަށް ކަމަށެވެ.
12.3 ދަޢުވާލިބޭ ފަރާތުން ޝަކުވާ ހުށަހެޅި ފަރާތާ ވާހަކަ ދެއްކީ ޙަޤީޤަތް އޮޅުވާލައިގެން، އަންހެނަކަށް ހެދިގެންކަމާއި، އެއަށްފަހު އޮރިޔާން ކާޑު ފޮނުވައި ދިނުމަށް އެދުމުން، ޝަކުވާ ހުށަހެޅި ފަރާތުން އޮރިޔާން ކާޑު ފޮނުވީކަމާއި، އޭގެ ފަހުން ދަޢުވާ ލިބޭ ފަރާތުން ކުރަމުންދިޔަ ޑިމާންޑަކީ، އޭނާ ބުނާވަރަކަށް ފައިސާ ނުދީފިނަމަ، އެތަކެތި ލީކު ކޮށްލާނެ ކަމުގެ ޑިމާންޑު ކަމަށެވެ.
12.4 އެހެންކަމުން ދަޢުވާލިބޭ ފަރާތުގެ ވިސްނުމަކީ، އެންމެ ފުރަތަމަ ދުވަހުން ފެށިގެން ޝަކުވާ ހުށަހެޅި ފަރާތުގެ ކިބައިން ފައިސާ ހޯދުންކަން އެނގޭކަމަށާއި، ދަޢުވާލިބޭ ފަރާތުން ކޮށްފައިވާކަމަށް ދައުލަތުން ބުނާ ބްލެކްމެއިލްކުރުމުގެ ޢަމަލު އެފަރާތުގެ ޝަހުވާނީ އެދުމަކާއި، ނުވަތަ ޖިންސީ ނިޔަތަކާ ގުޅިފައިވާކަން އެނގެން ނެތްކަމަށެވެ.
13ކްރިމިނަލް ކޯޓުގައި ދިފާޢީ ވަކީލު ފާހަގަކުރި އިސްވެ ފާހަގަކުރި ނުކުތާއާ ގުޅިގެން، ދަޢުވާގައި ބުނާ ބްލެކްމެއިލްކުރުމުގެ ކުށް ގުޅިފައިވަނީ، ޖިންސީ ޢަމަލެއް ހިންގުމަށްފަހު އެއާ ވިއްދައިގެންކަމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ބުނެފައިވެއެވެ. އަދި ޤާނޫނުގައި ޖިންސީ ޢަމަލު މާނަކޮށްފައިވަނީ ވަރަށް ފުޅާކޮށްކަމަށްވެސް ދައުލަތުން ބުނެފައިވެއެވެ. އަދި އެ ދަޢުވާ ކޮށްފައިވަނީ ކުށެވެ. ޝިކާރައަކަށްވީ ފަރާތަށް ޙަޤީޤަތް އޮޅުވައިލައިގެން އަންހެނެއްކަމުގައި ދައްކުވައިގެން ގުޅުން ޤާއިމްކޮށް، މުވާޞަލާތީ ގުޅުންތައް މެދުވެރިކޮށް ކުށުގެ ޝިކާރައަކަށްވީ ފަރާތުގެ ކިބައިން އޮރިޔާން ކާޑު ފޮނުވައި ދިނުމަށް އެދުމުން، އެފަރާތުން އޮރިޔާން ކާޑު ފޮނުވުމުން، އެ އޮރިޔާން ކާޑު ބޭނުންކޮށްގެން ބްލެކްމެއިލް ކޮށްފައިވާތީ، ބްލެކްމެއިލްގެ ޢަމަލުގެ ކުރިއަށް ޖިންސީ ޢަމަލެއް ހިނގާފައިވާކަން އެނގޭތީ ކަމުގައި ދައުލަތުގެ ފަރާތުން ބުނެފައިވެއެވެ.
14ދައުލަތުން ދެކޭގޮތުގައި މި މައްސަލައިގައި ބުނާފަދަ އޮރިޔާ ކާޑު ފޮނުވުމަށް އެދުމަކީ، ޖިންސީ ކުށުގެ ޤާނޫނުގެ 35 ވަނަ މާއްދާގައި ބުނެފައިވާ ޖިންސީ ޢަމަލުގެ ތެރެއަށް ފެތޭނެ ކަމެކެވެ.
15ޖިންސީ ކުށުގެ ޤާނޫނުގެ 35 ވަނަ މާއްދާގައި ބުނަނީ، "ރޭޕްކުރުމުގެ ކުށް ކުރުމަށްފަހު، ނުވަތަ ޖިންސީ އަނިޔާގެ ކުށް ކުރުމަށްފަހު، ނުވަތަ ޖިންސީ ގޯނާގެ ކުށް ކުރުމަށްފަހު، ނުވަތަ ޖިންސީ ޢަމަލެއް ހިންގުމަށްފަހު، އެއިން ކަމަކާ ވިއްދައި، އެއިން ކަމެއްގެ ޝިކާރައަށްވީ ފަރާތެއް ނުވަތަ އޭނާގެ ޢާއިލާގެ މީހަކު ބްލެކްމެއިލް ކުރުމަކީ، ކުށެކެވެ." މިފަދައިންނެވެ.
16ޖިންސީ ކުށުގެ ޤާނޫނުގެ 35 ވަނަ މާއްދާގައި ބަޔާންކުރާ ކުށްތަކުގެ ތެރެއިން، މުޙައްމަދު ފަވާޒު ލުޠުފީގެ މައްޗަށް ކޮށްފައިވާ ބްލެކްމެއިލްކުރުމުގެ ކުށް ގުޅިފައިވަނީ "ޖިންސީ ޢަމަލެއް" ހިންގުމަށްފަހު އެއާ ވިދިގެން ކުރި ބްލެކްމެއިލްގެ ކުށަށް ކަމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ސާފު ބަހުން ބުނެފައިވެއެވެ.
17ކްރިމިނަލް ކޯޓުގެ ނަންބަރު 145-B10(769-2025)2026/01 (މަދަނީ މިންގަނޑުން ބަލާއިރު މައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށް ނިންމި ނިންމުން) ނިންމުމާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2026/HC-B12/16 ޤަޟިއްޔާގައި ނިންމާފައިވާ ނިންމުމުގައި މައިގަނޑު ގޮތެއްގައި، ގޮތް ކަނޑައެޅިގެން ގޮސްފައިވާ ނުކުތާއަކީ، ޖިންސީ ކުށުގެ ޤާނޫނުގެ 35 ވަނަ މާއްދާގައިވާ "ޖިންސީ ޢަމަލު" ގެ ތެރެއަށް އޮރިޔާންކާޑު ހޯދައި ލިބިގަތުން ވަންނާނެތޯ ނުވަތަ ނޫންތޯ ބެލުމެވެ.
18HN1ޖިންސީ ކުށުގެ ޤާނޫނުގެ 35 ވަނަ މާއްދާއަށް ބެލުމުން އެ މާއްދާގައި "ޖިންސީ ޢަމަލެއް" މި ލަފްޒުގެ ކުރިއަށް ގެނެސްފައިވާ ކަންކަމުގައި ބަޔާންކުރަނީ "ކުށް" ތަކެކެވެ. މިގޮތުން، "ރޭޕް ކުރުމުގެ ކުށް" ނުވަތަ "ޖިންސީ އަނިޔާގެ ކުށް" ނުވަތަ "ޖިންސީ ގޯނާގެ ކުށް" މިފަދައިން ނެވެ. މި މާއްދާގައި "ޖިންސީ ޢަމަލު" ބަޔާންކުރުމުގައި، "ކުށް" މި ލަފްޒު ބޭނުންކޮށްފައެއް ނުވެއެވެ. އޭގެ ބޭނުމަކީ، ޖިންސީ ޢަމަލަކީ ކޮންމެ ޙާލަތެއްގައި ކުށެއްކަމުގައިވުން ލާޒިމު ނުވާނެތީއެވެ.
19އެހެންކަމުން މި މާއްދާގެ ޢިބާރާތަށް ބަލާއިރު، ޖިންސީ ޢަމަލަކާ ގުޅުވައިގެން ބްލެކްމެއިލްކުރުމުގެ ކުށް ފުރިހަމަވުމަށްޓަކައި މި މާއްދާގެ ދަށުން ޖިންސީ ޢަމަލުގެ ކުށެއް ކޮށްފައި އޮތުން ލާޒިމެއް ނުކުރެއެވެ. ލާޒިމުކޮށްފައިވަނީ ޖިންސީ ޢަމަލެއްކަމަށް ބެލެވޭފަދަ ޢަމަލެއް ބްލެކްމެއިލްކުރުމުގެ ކުށުގެ ކުރިއަށް ހިނގާފައިވުމެވެ.
20މިގޮތުން ޖިންސީ ކުށުގެ ޤާނޫނުގެ 9 ވަނަ މާއްދާގައިވަނީ، "ޖިންސީ ޢަމަލު" ކަމަށް ބުނެފައި އެވަނީ، މީހަކާއެކު ޒިނޭކުރުން ކަމުގައި ވީނަމަވެސް، ނުވަތަ މީހެއްގެ ޖިންސީ ގުނަވަނެއްގައި އަތްލުން ކަމުގައި ވީނަމަވެސް، ނުވަތަ މީހެއްގެ ޖިންސީ ގުނަވަނަކާމެދު ނުވަތަ ޖިންސީ ގުނަވަން ނޫން ގުނަވަނަކާމެދު، އެހެން ޢަމަލެއް ހިންގުން ކަމުގައި ވީނަމަވެސް، އެކަށީގެންވާ ވިސްނުމަކުން ވިސްނާއިރު، މީހަކު އެހެން އެ ހިންގި ޢަމަލެއް އެ ހިންގީ، ޖިންސީ ނިޔަތެއް އޮވެގެން ކަމަށް ޤަބޫލުކުރެވޭނެ ޢަމަލަށެވެ. ނުވަތަ އެ ޢަމަލެއް ހިންގި ޙާލަތުގައި އެ ޢަމަލެއް ހިންގާފައިވަނީ ޖިންސީ ނިޔަތެއް ނޫން އެހެން ސަބަބެއް އޮވެގެން ކަމުގައި ބެލެވެން ނެތް ޢަމަލަށެވެ." މިފަދައިންނެވެ.
21ބުނެވުނު ޖިންސީ ކުށުގެ ޤާނޫނުގެ 9 ވަނަ މާއްދާ ހައިކޯޓުން މާނަކޮށް، އެ މާއްދާގައި ބުނާ "ޖިންސީ ޢަމަލު" އަކީ، އޭގައި މާއްދީ ބީހުމެއް އެ ޢަމަލުގައި އެކުލެވިގެންވާ ޢަމަލެއްކަމުގައި ވާންވާނެކަމަށް ބަލާފައިވެއެވެ.
22އެހެންކަމުން މި މައްސަލައިގައި ސުޕްރީމް ކޯޓުގެ ކުރިމަތީގައި އޮތް މައިގަނޑު އެއް ބަހުސަކީ ހައިކޯޓުގެ މި މާނަކުރުން ޤާނޫނީ ގޮތުން ރަނގަޅުތޯ ނުވަތަ ނޫންތޯ ކަނޑައެޅުމެވެ.
23HN2ޖިންސީ ކުށުގެ ޤާނޫނުގެ 9 ވަނަ މާއްދާގައި "ޖިންސީ ޢަމަލު" މާނަކޮށްދީފައިވާގޮތަށް ބަލާއިރު، މީހަކާއެކު ޒިނޭކުރުމާއި، މީހެއްގެ ޖިންސީ ގުނަވަނެއްގައި އަތްލުން، މިއީ ޖިންސީ ޢަމަލުތަކުގެ ތެރޭގައި ހިމެނޭ ޢަމަލުތައް ކަމާމެދު ޝައްކެއްނެތެވެ. އަދި މަތީގައި ބަޔާންކުރެވުނު ޢަމަލުތައް އެއީ ޖިންސީ ޢަމަލުތައްކަމަށް ވުމަށްޓަކައި ޖިންސީ ނިޔަތެއް އޮތްކަން ސާބިތުކޮށްދޭކަށް ނުޖެހޭނެއެވެ. ނަމަވެސް ޖިންސީ ކުށުގެ ޤާނޫނުގެ 9 ވަނަ މާއްދާގައި އޭގެ ފަހުން ހިމެނިފައިވާ، "... ނުވަތަ މީހެއްގެ ޖިންސީ ގުނަވަނަކާމެދު ނުވަތަ ޖިންސީ ގުނަވަން ނޫން ގުނަވަނަކާމެދު، އެހެން ޢަމަލެއް ހިންގުން ކަމުގައި ވީނަމަވެސް، އެކަށީގެންވާ ވިސްނުމަކުން ވިސްނާއިރު، މީހަކު އެހެން އެ ހިންގި ޢަމަލެއް އެ ހިންގީ، ޖިންސީ ނިޔަތެއް އޮވެގެން ކަމަށް ޤަބޫލުކުރެވޭނެ ޢަމަލަށެވެ..." މި ޢިބާރާތަށް ފުންކޮށް ވިސްނާލަންޖެހޭކަމުގައި އަހުރެން ދެކެމެވެ.
24މަތީގައި ބަޔާންކުރެވުނު ޤާނޫނީ ނައްޞުގެ ޢިބާރާތަށް ބަލާއިރު، "މީހެއްގެ ޖިންސީ ގުނަވަނަކާމެދު ނުވަތަ ޖިންސީ ގުނަވަން ނޫން ގުނަވަނަކާމެދު، އެހެން ޢަމަލެއް ހިންގުން" މި ޢިބާރާތުގެ ތެރޭގައި، ޖިންސީ ކުށުގެ ޤާނޫނުގެ 9 ވަނަ މާއްދާގައި ބުނެފައިވާ "މީހަކާއެކު ޒިނޭކުރުމާއި، މީހެއްގެ ޖިންސީ ގުނަވަނެއްގައި އަތްލުން" ފިޔަވައި، އެހެނިހެން ޢަމަލުތައް ޖިންސީ ޢަމަލުގެ ތެރޭގައި ހިމެނިގެންދާނީ ވަކި ޝަރުޠުތަކެއް ފުރިހަމަވާނަމައެވެ. އެއީ އެކަށީގެންވާ މީހެއްގެ ވިސްނުމުން ވިސްނާއިރު، މީހެއްގެ ޖިންސީ ގުނަވަނަކާމެދު ނުވަތަ ޖިންސީ ގުނަވަން ނޫން ގުނަވަނަކާމެދު، (މީހަކާއެކު ޒިނޭކުރުމާއި، މީހެއްގެ ޖިންސީ ގުނަވަނެއްގައި އަތްލުން ފިޔަވައި) އެހެން ޢަމަލެއް ހިންގާފައިވަނީ، އެމީހާގެ ކިބައިގައި ޖިންސީ ނިޔަތެއް އޮވެގެން ކަމަށް، ނުވަތަ އެ ޢަމަލެއް ހިންގި ޙާލަތުގައި އެ ޢަމަލެއް ހިންގާފައިވަނީ ޖިންސީ ނިޔަތެއް ނޫން އެހެން ސަބަބެއް އޮވެގެން ކަމުގައި ބެލެވެން ނެތް ޢަމަލެއްކަމަށް ޤަބޫލުކުރެވޭނެ ސަބަބުތަކެއް ފެންނާން ހުރުމެވެ.
25ޖިންސީ ކުށުގެ ޤާނޫނުގައި "ޖިންސީ ނިޔަތް" ކަމަށް ބުނެފައިވަނީ، ޝަހުވާނީ އެދުންވެރިކަމެއް ފުއްދުމަށް ވަކި ކަމެއް ކުރުމަށް ކަނޑައަޅާ ކަނޑައެޅުމެވެ. ނުވަތަ ޝަހުވާނީ އެދުންވެރިކަމެއް ޙާޞިލުކުރުމަށް ކުރާ ޢަމަލަށެވެ.
26HN3އިސްތިއުނާފުކުރެވިފައި މިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމުގެ އަޤައްލިއްޔާ ރައުޔުގައި ފަނޑިޔާރު ފާޠިމަތު ފަރުހީޒާ، ޖިންސީ ކުށުގެ ޤާނޫނުގެ 9 ވަނަ މާއްދާ މާނަކުރުމުގައި "ޤާނޫނުގެ އެއްވެސް ލަފުޒެއް ބޭކާރު ނުވުމުގެ އަސާސް" އަށް ރިޢާޔަތްކޮށްފައިވެއެވެ. އެގޮތުން، "ޖިންސީ ކުށުގެ ޤާނޫނުގެ 9 ވަނަ މާއްދާގެ ދެވަނަ ބައިގައި ޖިންސީ ގުނަވަނެއްގައި "އަތްލުން" (Physical Touch) ވަނީ ވަކިން ކަނޑައަޅާފައެވެ. އެއާ ވިދިގެން އޮތް ތިންވަނަ ބައިގައި "ޖިންސީ ގުނަވަނަކާމެދު... އެހެން ޢަމަލެއް ހިންގުން ހިމަނާފައިވަނީ، "އަތްލުން" ނޫން އެހެން ޢަމަލުތައް ޝާމިލުކުރުމަށެވެ. ދިފާޢުން ބުނާ ގޮތަށް، މި ބައިގައިވެސް ޖިސްމާނީ ގޮތުން އަތްލުން ލާޒިމުކުރާނަމަ، ޤާނޫނުގެ މި ޢިބާރާތް ބޭކާރު (Redundant) ވެގެންދާނެއެވެ. "ގުނަވަނަކާމެދު" (In relation to an organ) މި ޢިބާރާތުގެ މަޤުޞަދަކީ، އެ ގުނަވަނަކީ ހިންގުނު ޢަމަލުގެ މަރުކަޒު ނުވަތަ އަމާޒު ކަމުގައި ވުމެވެ. ދެން ބަލަންޖެހެނީ އެގުނަވަނަކާ މެދު ހިންގުނު ޢަމަލު ހިނގާފައިވާ ގޮތުން ޖިންސީ ނިޔަތެއް އެކަމުގައި އޮންނާނެކަމަށް ސަބަބުވެރި މިންގަނޑުން ބެލެވޭތޯ ނުވަތަ ނޫންތޯއެވެ. މިއީ، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޢާއްމު މާނަ، އެގޮތުގައި ދެމެހެއްޓުމަށް އިސްކަންދިނުމުގެ އުޞޫލުން މާނަކުރުމުން އާދެވޭ ނަތީޖާއެވެ." މިފަދައިން ބަޔާންކޮށްފައި އޮންނަ އޮތުމާ އަހުރެންނަށް އެއްބަސްވެވެއެވެ.
27"ޖިންސީ ޢަމަލު" މި ލަފުޒުގެ ޤާނޫނީ މާނަކުރުން އެކުލަވާލާފައިވާގޮތުން، އެކަމަކީ، ހަމައެކަނި ޖިންސީ ގުނަވަންތަކުގެ މެދުގައި ހިންގާ ޢަމަލުތަކަށްވުރެ ފުޅާ ދާއިރާއެއްގެ މާނަ އެއަށް ދީފައިވާ، އެކި ބާވަތުގެ ވަސީލަތްތައް ބޭނުންކޮށްގެން ހިންގޭ ޢަމަލުތައްވެސް އޭގެ ތެރޭގައި ހިމެނޭ ގޮތަށް ގެނެސްފައިވާ މާނަކުރުމެއްކަން ދޭހަވެއެވެ. ޤާނޫނުގައި ބަޔާންކޮށްފައިވާ "މީހެއްގެ ޖިންސީ ގުނަވަނަކާމެދު ނުވަތަ ޖިންސީ ގުނަވަނެއް ނޫން ގުނަވަނަކާމެދު އެހެން ޢަމަލެއް ހިންގުން" މި ޢިބާރާތުން އެ ޢަމަލަކީ ހަމައެކަނި ހަށިގަނޑުގައި އަތްލުމުގެ ނުވަތަ ބީހުމުގެ މައްޗަށް ބިނާވެފައިވާ މާއްދީ (ފިޒިކަލް) ޢަމަލަކަށް ވާން ނުޖެހޭކަން އެނގެއެވެ.
28އެގޮތުން، ޖިންސީ ކުށުގެ ޤާނޫނުގެ 35 ވަނަ މާއްދާގައި ބަޔާންކުރާ ޖިންސީ ޢަމަލަކީ މާއްދީ ބީހުމެއް އޮތުމުގެ މައްޗަށް އެކަނި ބިނާކޮށް ހަނިކުރެވިދާނެ ޢަމަލެއް ކަމުގައި އަހުރެންނަށް ޤަބޫލެއް ނުކުރެވެއެވެ. ހުއްދަކުރެވިފައިވާ ވަކި އިސްތިސްނާ ޙާލަތްތަކެއް ފިޔަވައި، މީހެއްގެ ޖިންސީ ގުނަވަނެއްގައި އަތްލުމަކީ ޝައްކެއްވެސް ނެތް ގޮތުގައި ޖިންސީ ޢަމަލެކެވެ. ހަމައެއާއެކު ޖިންސީ ގުނަވަނެއްގައި ނުވަތަ ހަށިގަނޑުގެ އެއްވެސް ތަނެއްގައި އަތްލުމަކާ ނުލައިވެސް، މީހެއްގެ ހަށިގަނޑަށް އަމާޒުކޮށްގެން ނުވަތަ ހަށިގަނޑާ ގުޅޭގޮތުން ޖިންސީ ތަޞައްވުރެއް އުފެދޭގޮތަށް ހިންގާ ޢަމަލުތައްވެސް މި މާނަކުރުމުގެ ތެރޭގައި ހިމެނޭނެކަން ޖިންސީ ކުށުގެ ޤާނޫނުގެ 9 ވަނަ މާއްދާ އެކުގައި ކިޔާލުމުން އަހުރެންނަށް ސާފު ވެއެވެ.
29HN4އެހެންކަމުން، ޖިންސީ ކުށުގެ ޤާނޫނުގައި ކުށް ބަޔާންކުރާ މާއްދާތަކަށް ބަލާއިރު، އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ ފޮނުވުމަކީ ޖިންސީ ޢަމަލެއްކަމަށް ދޭހަނުވާކަމަށް މުޠުލަޤުކޮށް ކްރިމިނަލް ކޯޓުންނާއި ހައިކޯޓުން ނިންމާފައިވާ ނިންމުން ބަލައިގަތުމަށް އަހުރެންނަށް ފަސޭހައެއް ނޫނެވެ. ހަމައެއާއެކު އޮރިޔާން މަންޒަރު ދައްކުވައިދޭ ވީޑިއޯއާއި ފޮޓޯ ފޮނުވުމަށް ބާރުއަޅާ އަނެކާގެ ކިބައިގައި ޖިންސީ ޢަރީޒާ (Sexual instinct) އުފެއްދުމަށް އެކި ވަސީލަތްތައް ބޭނުންކޮށްގެން ކުރެވޭ މަސައްކަތްތަކަކީ އެ ޤާނޫނުގެ ބޭނުމަށްޓަކައި ޖިންސީ ޢަމަލުގެ ތެރޭގައި ހިމެނިގެން ހިނގައިދާނެ ކަންތައްތަކެއް ކަމުގައި އަހުރެންނަށް ޤަބޫލުކުރެވެއެވެ. އެކަށީގެންވާ މިންވަރުގެ ހެކި ހުރިތޯ ބެލުމާއި، ނިޔަތް ދެނެގަތުން
30ކްރިމިނަލް ކޯޓުން މަދަނީ މިންގަނޑުން މައްސަލަ ކުރިއަށް ގެންދަން ނުފެންނަ ކަމަށް ނިންމާފައިވާ ނިންމުން ރަނގަޅުކަމަށް ހައިކޯޓުން ފާހަގަކުރި މައިގަނޑު އެއް ސަބަބަކީ މުޙައްމަދު ފަވާޒު ލުޠުފީ އޮރިޔާންކާޑު ހޯދައި އެއިން ބްލެކްމެއިލްކޮށްފައިވަނީ ޖިންސީ ކުށުގެ ޤާނޫނުގެ 9 ވަނަ މާއްދާގައި މާނަކޮށްދީފައިވާ ފަދަ ޖިންސީ ޢަމަލެއް ކުރުމުގެ ނިޔަތް އޮވެގެންކަމުގައި ނުބެލެވޭތީ އެވެ.
31މަތީގައި ބަޔާންކުރި ޕެރެގްރާފްތަކުގައި އަހުރެން ބަޔާންކުރި ފަދައިން، އޮރިޔާންކާޑު ފޮނުވައިދިނުމަށް އެދުމާއި އޮރިޔާން ކާޑު ފޮނުވުމުގައި ތަބާދުލުގެ ޢަމަލު (exchange) ހިނގާފައިވާގޮތަށް ބަލާއިރު، އެކަމުގައި ޖިންސީ ނިޔަތެއް އޮތްކަން ދޭހަވާ ސަބަބުތަކެއް ފެންނަން ހުރިނަމަ، އެއާ ވިއްދައިގެން ކުރާ ބްލެކްމެއިލްގެ ޢަމަލަކީ ޖިންސީ ޢަމަލަކާ ގުޅިފައިވާ ބްލެކްމެއިލް ކުރުމެއްކަމުގައި އަހުރެން ދެކެމެވެ.
32މި މައްސަލައިގައި އޮރިޔާންކާޑު ބޭނުންކޮށްގެން ބްލެކްމެއިލް ކުރުމުގައި މުޙައްމަދު ފަވާޒު ލުޠުފީގެ ޖިންސީ ނިޔަތެއް ނެތްކަމަށް ކްރިމިނަލް ކޯޓުންނާއި ހައިކޯޓުން ނިންމާފައިވަނީ، ފެށުނީންސުރެ މުޙައްމަދު ފަވާޒު ލުޠުފީގެ ވިސްނުމަކީ ބިރުދައްކައިގެން ފައިސާ އަތުލުން ކަމުގައި ދެކިގެންނެވެ. އަދި އެކަމުގައި މުޙައްމަދު ފަވާޒު ލުޠުފީގެ ކިބައިގައި، ޝަހުވާނީ އެދުންވެރިކަމެއް ފުއްދުމުގެ ނުވަތަ ޝަހުވާނީ އެދުންވެރިކަމެއް ޙާޞިލުކުރުމުގެ ނިޔަތެއް ނެތްކަމުގައި ދެކިގެންނެވެ.
33HN5އިސްތިއުނާފުކުރެވި، ބަހުސްކުރެވެމުން މިދާ ކްރިމިނަލް ކޯޓާއި ހައިކޯޓުގެ ނިންމުމަކީ، ތުހުމަތު ކުރެވިފައިވާ ކުށާ ގުޅޭ މައުޟޫޢީ ނިންމުމެއް ނޫނެވެ. އެއީ ކުރެވިފައިވާ ތުހުމަތާ ގުޅޭ ދަޢުވާގެ ޝަރީޢަތް ކުރިއަށް ގެންދާނެތަނެއ އޮތްކަން ނުވަތަ ނެތްކަން މަދަނީ މިންގަނޑުން ކަނޑައެޅުމާ ގުޅޭ ނިންމުމެކެވެ. އެ މަރުޙަލާއަކީ، އެ ދަޢުވާއާ ގުޅޭ ޝަރީޢަތުގެ މަރުޙަލާ މައުޟޫޢް ގޮތުން ކުރިއަށް ގެންދިއުމަށް ފުދޭ މިންވަރެއްގެ ހެކި ހުށަހެޅިފައިވާ މައްސަލެއްތޯ މަދަނީ މިންގަނޑުން ބެލުމުގެ މަރުޙަލާއެވެ. މި މަރުޙަލާގައި މަދަނީ މިންގަނޑުން ހެކި ވަޒަންކުރާއިރު، އެކަށީގެންވާ މިންވަރުގެ ހެކި ހުރިކަން ނުވަތަ ނޫންކަން (prima facie ކޭހެއް އޮތްކަން ނުވަތަ ނެތްކަން) ކަނޑައަޅަންޖެހޭނީ، ކޮންމެ މައްސަލައެއްގައިވެސް އެމައްސަލައިގައި ވަށައިގެންވާ ކަންތައްތަކުގެ (އެ މައްސަލައެއްގައި ކަންހިނގާފައިވާ ގޮތުގެ މައްޗަށާއި، އެ މައްސަލައިގައި ހިމެނޭ ވާޤިޢާތަކުގެ މައްޗަށް ހުށަހެޅިފައިވާ ހެކީގެ) މައްޗަށް ބެލުމަށްފަހުގައެވެ.
34އެގޮތުން، ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައިގެ ދަޢުވާ ފޯމާއެކު ހުށަހަޅާފައިވާ އެންމެހައި ލިޔުންތަކަށް ފަނޑިޔާރު ބަލައި ވަޒަންކުރާއިރު، އެ ލިޔުންތަކުން ތުހުމަތުކުރެވޭ ފަރާތް އެ ކުށް ކޮށްފައިވާކަމުގެ ތުހުމަތު އުފެދޭ ނަމަ، އެ މައްސަލައިގެ ޝަރީޢަތް މައުޟޫޢީގޮތުން ކުރިއަށް ގެންދާނެ ތަން އޮތްކަމަށް ފަނޑިޔާރު ނިންމަންވާނެއެވެ. ފަނޑިޔާރުގެ ކުރިމަތީގައި ހުރި އެންމެހައި ލިޔުންތަކުން އެ ދަޢުވާގައި ހިމެނޭ ކުށް ދަޢުވާލިބޭ ފަރާތުން ކޮށްފައި އޮތުމުގެ ތުހުމަތު އުފެދޭ މިންވަރަށް ހެކި ހުރިކަމަށް ފަނޑިޔާރަށް ޤަބޫލުކުރެވުމުން ފުދެއެވެ. މަދަނީ މިންގަނޑުން ޝަރީޢަތް ކުރިއަށް ގެންދާނެތަނެއ އޮތްކަން ނުވަތަ ނެތްކަން ކަނޑައެޅުމުގެ ކުރިން، އެ ނިންމުމަށް ބޭނުންވާ މިންވަރަށް މައްސަލައިގައި ހުށަހެޅިފައި ހުރި އެންމެހާ ހެކިތަކުގެ މައްޗަށް ޖުމްލަކޮށް ބަލައި، އެކަމުގެ ނަތީޖާއަށް ރިޢާޔަތްކުރުމަކީ ފަނޑިޔާރު ކުރަންޖެހޭނެ ކަމެކެވެ. ކުރިންވެސް ބަޔާންކުރިފަދައިން، މި މަރުހަލާގައި ކޯޓުން ހެކި ވަޒަންކުރާނީ މައުޝޫޢީގޮތުން ޝަރީޢަތުގެ މަރުޙަލާ ކުރިއަށް ގެންދާނެތަނެއ އޮތްކަން ނުވަތަ ނެތްކަން ކަނޑައެޅުމަށް ފުދޭ މިންވަރުގެ ހެކި މަދަނީ މިންގަނޑުން ބަލާއިރު ހުރިތޯ ބެލުމަށެވެ. ތުހުމަތުކުރެވިފައިވާ ކުށް ސާބިތުކުރުމަށް ފުދޭ މިންވަރުގެ ހެކިހުރިތޯ ބެލުމާއި ކުށުގެ ރުކުންތައް ފުރިހަމަވޭތޯ ތަފްސީލީގޮތެއްގައި ބެލުމަކީ، މި މަރުޙަލާގައި ކުރަންޖެހޭ ކަމެއް ނޫނެވެ.
35HN6އިސްވެ ބަޔާންކުރެވުނު ފަދައިން، ވަކި ޢަމަލަކީ ވަކި މާނައެއްގެ ތެރޭގައި ހިމެނޭ ކަމެއްތޯ ކަނޑައެޅުމުގައި، އެ ޢަމަލުގެ ބާވަތަށާއި، އެކަން ހިނގި ޙާލަތަށާއި، އަދި އެ ޢަމަލަކީ ޖިންސީ ނިޔަތެއް އޮވެގެން ކުރި ކަމެއްކަން، ނުވަތަ ޖިންސީ ނިޔަތެއް ނޫން އެހެން މަޤުޞަދެއްގައި ކުރި ކަމެއް ނޫންކަން ބުއްދިވެރި އާންމު މީހެއްގެ ނަޒަރުން ޤަބޫލުކުރެވޭތޯ ޝަރީޢަތުން ބަލަންޖެހޭނެއެވެ.
36މި މައްސަލައިގައި މުޙައްމަދު ފަވާޒު ލުޠުފީގެ ކިބައިގައި ޖިންސީ ނިޔަތް އޮތްކަމަށް ދައުލަތުން ކްރިމިނަލް ކޯޓު، ހައިކޯޓު އަދި ސުޕްރީމް ކޯޓު މަރުޙަލާގައިވެސް ފާހަގަކޮށްފައިވަނީ، މުޙައްމަދު ފަވާޒު ލުޠުފީއާއި މި މައްސަލައިގެ ޝިކާރައަކަށްވީ ފަރާތުގެ ދެމެދު، ގާތްގަނޑަކަށް 7 މަސްދުވަހުގެ ޒާތީ ސިއްރު އަދި ޝަޚުޞު އޮޅުވާލެވިފައިވާ މުވާޞަލާތީ ގުޅުމެއް އޮތްކަމާއި އެގުޅުމުގެ ތެރެއިން ފޮނުވުނު މެސެޖްތަކުގައި ޖިންސީ ޣަރީޒާ އުފެއްދުމަށް ކުރެވުނު މަސައްކަތުން އޮރިޔާން ކާޑު (ވީޑިއޯ އަދި ފޮޓޯ) ބަދަލުކުރެވުނު ކަމާއި، އެ ދެމީހުންކުރެ އެކަކު އަނެކަކާ ދެމެދު ދެކެވުނު ވާހަކަތަކުން އެކަން ސާފުވާކަމާއި، އެވާހަކަތަކުގައި ހުރީ ހަމައެކަނި ފައިސާގެ ވާހަކައެއް ނޫންކަމަށެވެ.
37އެގޮތުން އިސްވެ ފާހަގަކުރެވުނު އެންމެހައި ކަންތައްތަކަށް ބަލާއިރު، އަހުރެންނަށް މިކަމުގައި އާދެވުނު ނަތީޖާއަކީ، ފައިސާގެ ޑިމާންޑަކީ ނުވަތަ ބްލެކްމެއިލް ކުރުމަކީ މުޙައްމަދު ފަވާޒު ލުޠުފީގެ ފޮރުވިފައިވާ އަޞްލު މަޤްޞަދުކަމުގައި ވެދާނެއެވެ. ނަމަވެސް ފައިސާގެ ޑިމާންޑާ ހަމައަށް ދަތުރުކުރުމަށްޓަކައި، އޭގެކުރިން ކޮށްފައިވާ ކޯލްތަކާއި ކޮށްފައިވާ މެސެޖްތަކުގައި ސީދާ ޝަހުވާނީ އެދުންވެރިކަމާއި ޖިންސީ ޣަރީޒާ އުފެއްދުމަށް މަސައްކަތްކޮށް އެކަން ޙާޞިލްކޮށްފައިވާކަމާއި، އޭގެ ނަތީޖާއެއްގެ ގޮތުން ޖިންސީ އެދުން ފުއްދައި، ބަރަހަނާ މަންޒަރުތައް ބަދަލު ކޮށްފައިވާކަމެވެ. މި ކަންކަން ސާފުކޮށްދިނުމުގެ ގޮތުން ދައުލަތުން ހުށަހެޅި ހެކިތަކުގެ ތެރޭގައި މައްސަލައިގެ ޝިކާރައަކަށްވި ފަރާތުގެ ތަޙުޤީޤު ބަޔާނާއި ޗެއިން އޮފް ކަސްޓަޑީ އާއި މޮބައިލް ފޮރެންސިކް ރިޕޯޓާއި ފޮޓޯ އަދި ވީޑިއޯ އާއި ޗެޓްލޮގްތައް ފަދަ ހެކިތައް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާކަން އެނގެއެވެ.
38އެހެންކަމުން، މުޙައްމަދު ފަވާޒު ލުޠުފީ އެ ހިންގި ޢަމަލުން ނުކުންނާނެ ޤާނޫނީ ނަތީޖާއަކީ ކޮބައިކަމުގެ ޢިލްމު ސަބަބުވެރި އިންސާނެއްގެ ވިސްނުމުން އޭނާއަށް އެނގިފައި އޮންނާނެކަމުގައި ޤަބޫލުކުރެވޭތީއާއި ހައިކޯޓުގެ އަޤައްލިއްޔާ ރައުޔު ބިނާވި، ފަނޑިޔާރު ފާޠިމަތު ފަރުހީޒާގެ ރައުޔުގައިވެސް ފާހަގަކޮށްފައިވާފަދައިން ދެ ފަރާތުގެ ދެމެދުގައި ހިނގާފައިވާ އޮރިޔާން ކާޑު ބަދަލުކުރުމުގެ ޢަމަލަކީ، ޖިންސީ ކުށުގެ ޤާނޫނުގެ 9 ވަނަ މާއްދާގެ ޢިބާރާތުގައި ބަޔާންކުރާ ފަދައިން ވިސްނުމަކުން ވިސްނާއިރު، ޖިންސީ ނިޔަތެއް އޮވެގެން ހިނގާފައިވާ" ޢަމަލެއްކަން ޤާނޫނީ ގޮތުން Prima Facie މަރުޙަލާގައި ޤަބޫލުކުރެވޭނެ ޖާގަ އޮތްކަމަށްޓަކައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 115 ވަނަ މާއްދާ (ހ) ގެ ދަށުން މި މައްސަލަ މަދަނީ މިންގަނޑުން ބަލާއިރު ކުރިއަށް ގެންދެވެން ނެތްކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުމާއި އެ ނިންމުމަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމި ނިންމުން ރަނގަޅުކަމަށް އަހުރެންނަށް ބުރައެއް ނުވެވުނެވެ.
ނިންމަން ފެންނަގޮތް
39އިސްވެ ބަޔާންކުރެވުނު ސަބަބުތައް އެގޮތަށް ހުރުމުން،
39.1 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2026/HC-B12/16 ޤަޟިއްޔާގެ އަޣުލަބިއްޔަތު ރައުޔުން ކްރިމިނަލް ކޯޓުގެ ނަންބަރު 145-B10(769-2025)2026/01 "މަދަނީ މިންގަނޑުން ބަލާއިރު މައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށް ނިންމި ނިންމުން" ގައި ޤާނޫނީ ގޮތުން ގޯހެއް އޮތްކަމަށް ނުބެލެވޭކަމަށް ނިންމާފައި ނިންމުން ރަނގަޅު ނޫންކަމަށް ކަނޑައެޅުމަށާއި،
39.2 ކްރިމިނަލް ކޯޓުގެ ނަންބަރު 769/Cr-C/2025 ޤަޟިއްޔާއަކީ، މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ މައްސަލައެއްކަމަށް ކަނޑައެޅުމަށާއި،
39.4 މިއަދުން (23 ޖުލައި 2026) ފެށިގެން ރަސްމީ 07 (ހަތެއް) ދުވަހުގެ ތެރޭގައި މި ދަޢުވާގެ މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ކްރިމިނަލް ކޯޓަށް އަލުން ހުށަހަޅައިފިނަމަ، މި މައްސަލަ އޮތް ހިސާބުން ފެށިގެން ކުރިއަށް ގެންދަންޖެހޭނެކަން އަންގައި، މި މައްސަލަ ނިންމަން އަހުރެންނަށް ފެނެއެވެ.
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު
40މި މައްސަލައިގައި އުއްތަމަ ފަނޑިޔާރު ޢަބްދުލްޢަނީ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޢަބްދުﷲ ޙަމީދުގެ ރައުޔު
41މި މައްސަލައިގައި އުއްތަމަ ފަނޑިޔާރު ޢަބްދުލްޢަނީ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ. ޙުކުމް ދެންފަހެ، އިސްވެ ބަޔާންކުރެވުނު ސަބަބުތައް އެގޮތަށް ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2026/HC-B12/16 ޤަޟިއްޔާގެ އަޢުލަބިއްޔަތު ރައުޔުން ކްރިމިނަލް ކޯޓުގެ ނަންބަރު 2026/01(769-2025)145-B10 "މަދަނީ މިންގަނޑުން ބަލާއިރު މައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށް ނިންމި ނިންމުން" ގައި ޤާނޫނީ ގޮތުން ގޯހެއް އޮތްކަމަށް ނުބެލެވޭކަމަށް ނިންމާފައި ނިންމުން ރަނގަޅު ނޫންކަމަށް ކަނޑައެޅުމާއެކު، ކްރިމިނަލް ކޯޓުގެ ނަންބަރު 769/Cr-C/2025 ޤަޟިއްޔާގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހެޅި ދަޢުވާއަކީ، މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ދަޢުވާ (މައްސަލަ) އެއްކަމަށް ކަނޑައަޅައި، މިއަދުން (23 ޖުލައި 2026) ފެށިގެން ރަސްމީ 07 (ހަތެއް) ދުވަހުގެ ތެރޭގައި ޕްރޮސިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އެ ދަޢުވާ (މައްސަލަ) އަލުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިނަމަ، އެ ދަޢުވާ (މައްސަލަ)، އޮތް ހިސާބުން ފެށިގެން ކުރިއަށް ގެންދިއުމަށް އަންގައި، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ. މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ފުޓްނޯޓު
- ދިވެހި ރައްޔިތެއްކަން އަންގައިދޭ
- ޤާނޫނު ނަންބަރު 17/2014
- ޤާނޫނު ނަންބަރު 12/2016
- އބމ
- ޤާނޫނު ނަންބަރު 17/2014
- ޤާނޫނު ނަންބަރު 4/2011
- ޤާނޫނު ނަންބަރު 17/2014
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 9 ވަނަ މާއްދާ، 10 ވަނަ މާއްދާ، 35 ވަނަ މާއްދާގެ (ހ) އަދި (ށ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 115 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާ
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.