ފާޠިމަތު ސޫޒަން ވ. އިލެކްޝަންސް ކޮމިޝަން
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- 2006 ވަނަ އަހަރު ކޯޓުން ދައުލަތަށް ދެއްކުމަށް ޙުކުމްކުރި ފައިސާ ދެއްކިކަމުގެ ލިޔުން ހުށަނާޅާތީ (މާލީ ވުޒާރާގައި އެ ދަރަނީގެ އެއްވެސް ރެކޯޑެއް ނެތްއިރު) ކެންޑިޑޭޓުކަން ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ޞައްޙަތޯއާއި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ (7) ގެ ޝަރުޠު ކެންޑިޑޭޓުގެ ކިބައިގައި ހަމަވޭތޯ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުއިލެކްޝަންސް ކޮމިޝަނުގެ ނިންމުން ބާޠިލު؛ ކެންޑިޑޭޓުގެ ޝަރުޠު ހަމަވާކަމަށް ކަނޑައަޅައި ކެންޑިޑޭޓުކަން ޤަބޫލުކުރުމަށް ކޮމިޝަނަށް އަމުރުކުރި
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ މީހަކު ކަމުގައިވުމަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ (7) ގެ ދަށުން ކެންޑިޑޭޓެއްގެ ކިބައިގައި ފުރިހަމަވާންޖެހޭ އަސާސީ ޝަރުޠެކެވެ. އެ ޝަރުޠު ބެލުމުގައި ދެ ކަމަކަށް ބަލަންޖެހެއެވެ: (1) ކެންޑިޑޭޓުގެ މައްޗަށް ދަރަންޏެއް އޮތްތޯ، އަދި (2) އޮތްނަމަ ޙުކުމާ އެއްގޮތަށް ދައްކަމުންދާތޯ.
HN2 ދައުލަތުގެ އިދާރާއަކަށް ލިބެންޖެހޭ ސާބިތު ދަރަންޏެއް ޙުކުމާ އެއްގޮތަށް ނުދައްކައިފިނަމަ، ފައިސާ ހޯދުމަށް ޙުކުމް ތަންފީޛުކުރުމުގެ މައްސަލަ ހުށަހެޅުމަކީ އެ އިދާރާއިން ކުރަންޖެހޭ ކަމެކެވެ؛ އަދި އެ ޙުކުމުގެ ރެކޯޑްތައް އެކަށީގެންވާ ގޮތެއްގައި ބެލެހެއްޓުމަކީ އެ އިދާރާގެ ޒިންމާއެކެވެ.
HN3 ޙުސައިން ޝިހާމް ވ. އިލެކްޝަންސް ކޮމިޝަން (2012/SC-E/17) ގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިޢާޔަތްކޮށް، ދައުލަތަށް ދައްކަންޖެހޭ ދަރަންޏަކާ ގުޅޭ ރެކޯޑެއް ދައުލަތުގެ އިދާރާގައި ފެންނަން ނެތުމަކީ އެ ދަރަނި ދައްކާ ޚަލާޞްކޮށްފައިނުވާކަމަށް، ނުވަތަ އެ މީހަކީ 12 ވަނަ މާއްދާގެ (ހ) ގެ (7) ގެ ޝަރުޠު ފުރިހަމަނުވާ މީހެއްކަމަށް ނިންމިދާނެ ސަބަބެއް ނޫނެވެ.
HN4 ކުރީގެ އިންތިޚާބެއްގައި ހުރިހާ ޝަރުޠެއް ހަމަވާކަމަށް ކޮމިޝަނުން ނިންމައި ކައުންސިލަރަކަށް އިންތިޚާބުވެ މިހާރުވެސް ހުރި، އަދި ވޭތުވެދިޔަ 5 އަހަރުގެ ކުށާއި ދަރަނީގެ ރެކޯޑުގައި ކުށެއް ނުވަތަ ދަރަންޏެއް ނެތް ކެންޑިޑޭޓަކީ، މި މައްސަލައިގެ ޙާލަތުގައި ކުށުގެ ރެކޯޑެއް ނެތް މީހެއް ކަމުގައި ބެލެވޭނެއެވެ.
HN5 ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ށ) އިން ކޮންމެ ރައްޔިތަކަށް އިންތިޚާބުތަކުގައި ކުރިމަތިލުމުގެ ޙައްޤު ލިބިދީފައިވާއިރު، ދައުލަތުގެ އިދާރާއަކުން ލިބެން ނެތް ލިޔުމެއް ހުށަހަޅަން ޖެހުމުގެ ސަބަބުން އިންތިޚާބުގައި ބައިވެރިވުމުގެ ފުރުޞަތު ގެއްލުމަކީ އެ ޙައްޤު ހަނިވެގެންދާ ކަމެކެވެ.
HN6 ޞައްޙަ ޤާނޫނީ އަސާސެއްގެ މައްޗަށް ބިނާނުކޮށް ކެންޑިޑޭޓުކަން ޤަބޫލުނުކުރުމަށް ކޮމިޝަނުން ނިންމާ ނިންމުމެއް، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 21 ވަނަ މާއްދާގެ (ބ) އާއި (ޅ) ގެ ދަށުން ބާޠިލުކޮށް، ކެންޑިޑޭޓުކަން ޤަބޫލުކުރުމަށް ކޮމިޝަނަށް އަމުރުކުރެވިދާނެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޢަބްދުﷲ ޙަމީދު، ޢަލީ ރަޝީދު ޙުސައިން، ޑރ. މުޙައްމަދު އިބްރާހީމް
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢަބްދުﷲ ޙަމީދު · ތާއީދުކުރެއްވީ: ޢަލީ ރަޝީދު ޙުސައިން
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު ޢަބްދުﷲ ޙަމީދުގެ ރައުޔު (ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު ޑރ.
މުޙައްމަދު އިބްރާހީމް ތާއީދުކުރައްވާފައި).....1 ތަޢާރަފު.....1 މައްސަލައިގައި ކަން ހިނގާފައިވާގޮތް.....2 މައްސަލައިގެ ޚުލާޞާ.....5 މައްސަލަ ހުށަހެޅި ފަރާތުން އެދިފައިވާ ގޮތް.....9 އިލެކްޝަންސް ކޮމިޝަނުގެ ޖަވާބުގެ ޚުލާޞާ.....9 މައްސަލަ ރައްދުވާ ފަރާތުން އެދިފައިވާގޮތް.....15 ކެންޑިޑޭޓުންގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުޠުތައް.....16 ދަރަނީގެ ޝަރުޠު.....17 ނިންމަން ފެންނަ ގޮތް.....21
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު .....22
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު .....22
ޙުކުމް .....23 بِسْدَارَةِ الرَّجْيَمِ ފާޠިމަތު ސޫޒަން ވ. އިލެކްޝަންސް ކޮމިޝަން [2026] SC 05
ފަނޑިޔާރު ޢަބްދުﷲ ޙަމީދުގެ ރައުޔު (ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު ޑރ. މުޙައްމަދު
އިބްރާހީމް ތާއީދުކުރައްވާފައި)
ތަޢާރަފު
1މިއީ، އިލެކްޝަންސް ކޮމިޝަނުން، 04 އޭޕްރީލް 2026 ގައި ބާއްވަން ހަމަޖައްސާފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ކ. ތުލުސްދޫ ކައުންސިލްގެ އަންހެނުންނަށް ޚާއްޞަކޮށްފައިވާ ގޮނޑިއަށް ކުރިމަތިލުމަށް ކ. ތުލުސްދޫ، ލަކުސަމީ، ފާޠިމަތު ސޫޒަން ("މައްސަލަ ހުށަހެޅި ފަރާތް") ގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް ("މައްސަލަ ރައްދުވާ ފަރާތް") ހުށަހެޅުމުން، ދަރަނީގެ ރެކޯޑުގައި ހިމަނާފައިވާ ޖޫރިމަނާ ފައިސާ ދައްކާފައިވާކަމުގެ ލިޔުން ހުށަހަޅާފައި ނުވާތީ، ފާޠިމަތު ސޫޒަންގެ ޝަރުޠު ފުރިހަމަވާކަން ކަށަވަރު ނުވާކަމަށް ބަޔާންކޮށް އެ ހުށަހެޅުން އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތުމަށް ނިންމާފައިވާތީ، އިލެކްޝަންސް ކޮމިޝަނުގެ އެ ނިންމުމަކީ ބާޠިލު ނިންމުމެއް ކަމަށާއި، ފާޠިމަތު ސޫޒަންގެ ޝަރުޠު ހަމަވާކަމަށް ނިންމަވައި، ފާޠިމަތު ސޫޒަންގެ ކެނޑިޑޭޓުކަން ޤަބޫލުކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އަމުރުކޮށްދިނުން އެދި، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގޫ 21ވަނަ މާއްދާގެ (ބ) އާއި (ޅ) ގެ ދަށުން، އިންތިޚާބަށް ކުރިމަތިލުމުގެ ޝަރުޠާބެހޭ ގޮތުން މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލައެކެވެ. 12 ޤާނޫނު ނަންބަރު 11/2008 މައްސަލައިގައި ކަން ހިނގާފައިވާގޮތް
2އިލެކްޝަންސް ކޮމިޝަނުގެ ނަންބަރު IUL)38-AC/38/2016/43) (17 ޖަނަވަރީ 2026) އިޢުލާނުން 04 އޭޕްރީލް 2026 ގައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމަށް އިޢުލާންކުރިއެވެ.
3ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ކ. ތުލުސްދޫ ކައުންސިލްގެ އަންހެނުންނަށް ޚާއްޞަކޮށްފައިވާ ގޮނޑިއަށް ކުރިމަތިލުމަށް ފާޠިމަތު ސޫޒަންގެ ފަރާތުން 07 (ހަތެއް) ފަހަރު މަތިން އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅާފައިވެއެވ.
4ފާޠިމަތު ސޫޒަންގެ ފަރާތުން އެންމެ ފަހުން ފޯމު ހުށަހަޅާފައިވަނީ 2026 ފެބްރުވަރީ 01 ގައި، ނަންބަރު MYP/LCE/2026/1945 ފޯމުންނެވެ. އެ ހުށަހެޅުން ބަލައިގަނެވެން ނެތްކަމަށް 01 ފެބްރުވަރީ 2026 ގެ 17:16 ގައި އިލެކްޝަންސް ކޮމިޝަނުން ނިންމައި، ފާޠިމަތު ސޫޒަންއަށް ދީފައިވާ ޖަވާބުގައި ވަނީ، ”....ތިޔަ ފަރާތުން ހުށަހެޅި ފޯމާއެކު ހުށަހަޅާފައިވާ ކުށާއި ދަރަނީގެ ރެކޯޑުގައި ހިމަނާފައިވާ، ކ. ތުލުސްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު H4C/2006/12 ޤަޟިއްޔާ އިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެރަރީއަށް -/000،12 (ބާރަހާސް) ރުފިޔާ ދެއްކުމަށް ކޮށްފައިވާ ޙުކުމްގެ ދަށުން ދައްކަންޖެހޭ ފައިސާ ދައްކާ ޚަލާޞްކޮށްފައިވާކަން އަންގައިދޭ ކަމާބެހޭ އިދާރާގެ ލިޔުމެއް ހުށަހަޅާފައި ނުވެއެވެ. އަދި ތިޔަ ފަރާތުން ހުށަހަޅާފައިވާ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވުޒާރާގެ ނަންބަރު D1/INDIV/2026/49-13 (01 ފެބްރުވަރީ 2026) ގެ ސިޓީ އިން އިސްވެ ބަޔާންކުރެވުނު ފަދައިން ކ. ތުލުސްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު H4C/2006/12 ޤަޟިއްޔާގެ ދަށުން ދައްކަންޖެހޭ ފައިސާ ދައްކައި ޚަލާޞްކޮށްފައިވާކަން އެނގެން ނެތެވެ. ޤާނޫނު ނަންބަރު 2010/10 އިލެކްޝަންސް ކޮމިޝަނުގެ ނަންބަރު IUL)38-AC/38/2026/43) އިލެކްޝަންސް ކޮމިޝަނުން ދޫކޮށްފައިވާ ކެންޑިޑެސީ ޤަބޫލުނުކުރާކަމުގެ ލިޔުންތައް (19 ޖަނަވަރީ 2026، 22 ޖަނަވަރީ 2026، 25 ޖަނަވަރީ 2026، 27 ޖަނަވަރީ 2026، 30 ޖަނަވަރީ 2026، 31 ޖަނަވަރީ 2026، 01 ފެބްރުވަރީ 2026) (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު)ގެ 12ވަނަ މާއްދާގައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރުމަށް އެދި ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަންވާނެ ޝަރުޠުތައް ބަޔާންކޮށްފައިވާއިރު، އިސްވެ ދެންނެވުނު ފަދައިން ކުށާއި ދަރަނީގެ ރެކޯޑުގައި ހިމަނާފައިވާ ޖޫރިމަނާ ފައިސާ ދައްކާފައިވާކަމުގެ ލިޔުން ހުށަހަޅާފައި ނުވާތީ، ފާޠިމަތު ސޫޒަންގެ ޝަރުޠު ފުރިހަމަވާކަން ކަށަވަރު ނުކުރެވެއެވެ. އެހެންކަމުން، ކ. ތުލުސްދޫ / ލަކުސަމީ، ފާޠިމަތު ސޫޒަން، ()، ގެ ޝަރުޠު ފުރިހަމަވާކަން ކަށަވަރު ނުވާތީ، އެ ހުށަހެޅުން ބަލައިގަނެވެން ނެތް ވާހަކަ ދެންނެވީމެވެ...
މިފަދައިންނެވެ.
5މާލެ އަތޮޅު ތުލުސްދޫ ކޯޓުގެ ނަންބަރު 12/H4C/2006 ޤަޟިއްޔާގެ ޙުކުމަށް ބަލާއިރު، ޚިޔާނާތްތެރިވުމުގެ ކުށުން ފާޠިމަތު ސޫޒަން ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، 4 އަހަރާއި 6 މަސްދުވަހުގެ މުއްދަތަށް ފާޠިމަތު ސޫޒަން އަރުވާލުމަށް ޙުކުމްކޮށް، އަދި ފާޠިމަތު ސޫޒަން ޚިޔާނާތްތެރިވި ފައިސާ، ކ. އަތޮޅު ތަޢުލީމީ މަރުކަޒަށް ލިބިދިނުމަށްޓަކައި 2006 ޑިސެންބަރު 25ވަނަ ދުވަހުން ފެށިގެން މަސް ހަމަކޮށް ކޮންމެ މަހަކު -/500 (ފަސްސަތޭކަ) ރުފިޔާއަށްވުރެ މަދުނޫން ޢަދަދެއް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ދައްކަމުން ގެންގޮސް -/12،000 (ބާރަހާސް) ރުފިޔާ ދައްކައި ނިންމުމަށް ފާޠިމަތު ސޫޒަންއަށް އަންގައި މާލެ އަތޮޅު ތުލުސްދޫ ކޯޓުން، 2006 ޑިސެންބަރު 25ވަނަ ދުވަހު ޙުކުމްކޮށްފައިވާކަން އެނގެން އޮވެއެވެ.
6ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026 ގެ ބޭނުމަށްޓަކައި، ފާޠިމަތު ސޫޒަންގެ ޢުމުރު ދުވަހަށް ސާފުކޮށްފައިވާ ކުށާއި ދަރަނީގެ ރެކޯޑަށް ބަލާއިރު، ކ. ތުލުސްދޫ ކޯޓުން، 25 ޑިސެންބަރު 2006 ގައި ޙުކުމްކޮށްފައިވާ އެ ކޯޓުގެ ނަންބަރު 12/H4C/2006 ޤަޟިއްޔާއާ ގުޅިގެން -/12،000 (ބާރަހާސް) ރުފިޔާ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ދެއްކުމަށް އަންގާފައިވާކަން އެނގެން ބަލާއިރު، ފާޠިމަތު ސޫޒަންގެ މައްޗަށް ވޭތުވެދިޔަ 5 (ފަހެއް) އަހަރު ދުވަހުގެ ތެރޭގައި ޝަރުޢީ ދާއިރާގެ ކޯޓަކުން ކުށުގެ ރެކޯޑެއް އަދި ދަރަނީގެ ރެކޯޑެއް ސާބިތުވެފައިނުވާކަން އެނގެން އޮވެއެވެ.
7މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ފާޠިމަތު ސޫޒަނަށް ދީފައިވާ މަޢުލޫމާތަށް ބަލާއިރު، އެ މިނިސްޓްރީގެ ރެކޯޑްތައް ދައްކާގޮތުން ފާޠިމަތު ސޫޒަންގެ ނަމުގައި ޤާނޫނު ނަންބަރު 28/76 ގައިވާ ފަދަ ދަރަންޏެއް، 28 ޖަނަވަރީ 2026 ގެ ނިޔަލަށް ރެކޯޑްކުރެވިފައި ނެތް ކަމަށް އެ މިނިސްޓްރީގެ ”އަމިއްލަ މީހުން ހުށަހަޅާ ކަންކަމަށް ދޭ ޖަވާބު“ (29 ޖަނަވަރީ 2026) ގައި ބަޔާންކޮށްފައިވެއެވެ. އަދި ކ. ތުލުސްދޫ ކޯޓުގެ ނަންބަރު 12/H4C/2006 ޤަޟިއްޔާގެ ދަށުން ފާޠިމަތު ސޫޒަންގެ ނަމުގައި 01 ފެބްރުވަރީ 2026 ގެ ނިޔަލަށް އެއްވެސް ރެކޯޑެއް އެ މިނިސްޓްރީގައި ނެތްކަން ”އަމިއްލަ މީހުން ހުށަހަޅާ ކަންކަމަށް ދޭ ޖަވާބު“ (01 ފެބުރުވަރީ 2026) ން އެނގެން އޮވެއެވެ.
8ފާޠިމަތު ސޫޒަންގެ ކެނޑިޑޭޓުކަން ޤަބޫލުނުކުރާ ކަމަށް 01 ފެބްރުވަރީ 2026 ގެ 17:16 ގައި އިލެކްޝަންސް ކޮމިޝަނުން ފާޠިމަތު ސޫޒަނަށް ފޮނުވި ލިޔުމުން ދޭހަވަނީ، ފާޠިމަތު ސޫޒަންގެ ކުށާއި ދަރަނީގެ ތަފްސީލްތަކުގައި ކ. ތުލުސްދޫ ކޯޓުގެ ނަންބަރު 12/H4C/2006 ޤަޟިއްޔާއާ ގުޅިގެން -/000ގައި (ބާރަހާސް) ރުފިޔާ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ދެއްކުމަށް ސާބިވެފައިވާކަން އެނގެން އޮންނައިރު، އެ ފައިސާ ދައްކައި ޚަލާޞްކޮށްފައިވާކަން ނުވަތަ ޙުކުމާ އެއްގޮތަށް އެ ދަރަނި ދައްކަމުންދާ ކަމުގެ ލިޔުމެއް ނުވަތަ ރެކޯޑެއް ފާޠިމަތު ސޫޒަންގެ ފަރާތުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ނަންބަރު CRR/198/049233/2025 "ކުށާއި ދަރަނީގެ ރެކޯޑް" ހުށަހަޅާފައި ނެތުމުން، ފާޠިމަތު ސޫޒަން އިންތިޚާބަށް ކުރިމަތިލުމުގެ ޝަރުޠު ހަމަނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ކަމެވެ.
މައްސަލައިގެ ޚުލާޞާ
9މި މައްސަލަ ބިނާކުރާ ޤާނޫނީ ނުވަތަ ޝަރުޢީ ސަބަބުތަކުގެ ގޮތުގައި، ފާޠިމަތު ސޫޒަންގެ ފަރާތުން ފާހަގަކޮށްފައިވަނީ، އަންނަނިވި ދެ ސަބަބެވެ.
(ހ) ޤާނޫނުއަސާސީގެ 26ވަނަ މާއްދާގެ (ށ) އާ ޚިލާފަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ނިންމުމެއްކަމުގައި ވުމާއި؛
(ށ) ޤާނޫނުއަސާސީގެ 69ވަނަ މާއްދާއާ ޚިލާފަށް އިލެކްޝަންސް ކޮމިޝަނުން މި ޙައްޤު ހަނިކޮށް ނިއުޅައިގެންފައިވުމެވެ.
10އެ ދެ ސަބަބު ތަފްޞީލުކޮށްދެމުން ފާޠިމަތު ސޫޒަންގެ ފަރާތުން ބުނެފައިވަނީ؛
10.1 ޤާނޫނުއަސާސީގެ 26ވަނަ މާއްދާގެ (ށ) އާއި، 16ވަނަ މާއްދާއާއި 69ވަނަ މާއްދާއަށް ބަލާއިރު، އިންތިޚާބުތަކުގައި އެކި މަޤާމުތަކަށް ކުރިމަތިލުމަކީ ދުސްތޫރީ ޙައްޤެއް ކަމަށާއި، ޤާނޫނުއަސާސީގައިވާ ގޮތުގެ މަތިން މެނުވީ އެ ޙައްޤު ހަނިނުކުރެވޭނެ ކަމަށާއި، ނިގުޅައެއްވެސް ނުގަނެވޭނެ ކަމަށާއި، ޤާނޫނުއަސާސީގެ 26ވަނަ މާއްދާގެ (ށ)ގެ ދަށުން ލޯކަލް ކައުންސިލް އިންތިޚާބު 2026 އަށް ވާދަކުރުމަށް 19 ޖަނަވަރީ 2026ވަނަ ދުވަހު ވާނީ ފާޠިމަތު ސޫޒަންގެ ފުރަތަމަ އެޕްލިކޭޝަން MYP/LCE/2026/61 ވަނަ ފޯމުން ހުށަހަޅާފައި ކަމަށާއި، އެފޯމުގައި އިލެކްޝަންސް ކޮމިޝަނުން ހުށަހަޅަން ބުނެފައިވާ ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ ކުށުގެ ރެކޯޑް ތަފްޞީލް މުޅި ޢުމުރަށް (CRR/198/048461/2025)، ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ ކުށާއި ދަރަނީގެ ރެކޯޑް (ރެކޯޑާގުޅޭ ތަފްޞީލް)، ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ ކުށާއި ދަރަނީގެ ރެކޯޑާގުޅޭ ތަފްޞީލް ވޭތުވެދިޔަ 5 އަހަރަށް (CRR/198/049233/2025)، އިލެކްޝަންސް ކޮމިޝަންގެ ފޯމް ”ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާ މީހާގެ ކުށުގެ ރެކޯޑް ސާފުކުރުން“، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ދެއްވި ލިޔުން، އަދި އައިޑީކާޑްގެ ކޮޕީ ވާނީ ހުށަހަޅާފައި ކަމަށާއި؛
10.2 19 ޖަނަވަރީ 2026ވަނަ ދުވަހުގެ 11:52 ގައި އިލެކްޝަންސް ކޮމިޝަނުން އެ ފޯމް ރިޖެކްޓްކުރެވިފައިވާކަމުގެ މެސެޖް ލިބުނުކަމަށާއި، ފާޠިމަތު ސޫޒަން ޕޯޓަލަށް ވަދެ ބެލިބެލުމުން އެނގުނީ، އެފޯމް ރިޖެކްޓްކޮށްފައިވަނީ، ”ޤާނޫނު ނަންބަރު 11/2008 ގެ 17ވަނަ މާއްދާގައިވާ ގޮތުގެ މަތިން އިންތިޚާބަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ކުރި ނަންބަރު IUL/38-AC/38/2026/43 އިޢުލާންގައި، އިންތިޚާބަށް ކުރިމަތިލުމަށް އެދޭމީހާ ހުށަހަޅަންވާނެކަމަށް ބަޔާންކޮށްފައިވާ ކުށާއި، ދަރަނީގެ ރެކޯޑް ފޯމުގައި ކުށެއް އޮތްކަމަށް ބަޔާންކޮށްފައިވީނަމަވެސް، ކުށުގެ ތަފްޞީލް ހިމަނާފައިނުވާކަމަށާއި، ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު)ގެ 12ވަނަ މާއްދާގައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރުމަށް އެދި ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަންވާނެ ޝަރުޠުތައް ބަޔާންކޮށްފައިވާއިރު، އިސްވެދެންނެވުނު ފަދައިން ކުށުގެ ތަފްޞީލް ހުށަހަޅާފައިނުވާތީ ފާތިމަތު ސޫޒަންގެ ޝަރުޠު ފުރިހަމަވާކަން ކަށަވަރު ނުކުރެވުނުކަމަށް“ ބަޔާންކޮށް ކަމަށާއި، ނަމަވެސް އިސްވެ ދެންނެވުނު ފޯމްތަކުން އެ ހުރިހާ މަޢުލޫމާތެއް އެކަމާ ގުޅޭ އިދާރާތަކުން ދެއްވާފައިވާ ތަފްޞީލް މަޢުލޫމާތުތަކުން އެނގެން އޮންނަކަމަށާއި، މިކަމާ ބެހޭގޮތުން އިތުރަށް މަޢުލޫމާތު ސާފުކުރުމަށް ގުޅުމުން، ފޯނުން ޖަވާބުދެއްވި ފަރާތުން ބުނެފައިވަނީ، ކުށުގެ ރެކޯޑް ތަފްޞީލް ރިޕޯޓްގައި ޤަސިއްޔާ ނަންބަރު 12/H4C/2006 ގެ ޙުކުމުގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެރަރީއަށް ދެއްކުމަށް އަންގާފައިވާ -/000،12ރ. (ބާރަހާސް) ރުފިޔާ ދައްކާފައިވާކަން ނުވަތަ ދައްކަމުންދާކަން އެނގޭނެ ލިޔުމެއް ނުވަތަ ސްލިޕެއް ހުށަހަޅާފައިނުވުން ކަމަށާއި؛
10.3 ނަމަވެސް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ލިޔުންތަކުން ކުށުގެ ބާވަތް، ޙުކުމް ކުރި ކޯޓު، ކަނޑައެޅުނު އަދަބު ވަރަށް ސާފުކޮށް ލިޔެފައި އެބައޮތް ކަމަށާއި، އަދި ކުށާއި ދަރަނީގެ ރެކޯޑާއި ގުޅޭ ތަފްޞީލްގައި ދަރަނީގެ ރެކޯޑެއް ނެތްކަން ވަރަށް ސާފުކޮށް އެނގެން އެބައޮތް ކަމަށާއި، އެހެންކަމުން ފޯމު ރިޖެކްޓްކުރި ސަބަބެއްކަމަށްވާ [ކުށެއް އޮތް ކަމަށް ބަޔާންކޮށްފައިވީނަމަވެސް، ކުށުގެ ތަފްޞީލް ހިމަނާފައިނުވެ] އޭ ބުނެ ފާޠިމަތު ސޫޒަންގެ އެޕްލިކޭޝަން ރިޖެކްޓްކުރި ކުރުމަކީ ޤާނޫނުއަސާސީގެ 26ވަނަ މާއްދާގެ (ށ)ގެ ދަށުން އޭނާއަށް ލިބިދޭ ޙައްޤަކުން މަޙްރޫމްކުރުން ކަމުގައި ދެކޭކަމަށާއި؛
10.4 އަދި ފާޠިމަތު ސޫޒަންއަކީ މިހާރުވެސް ޤާނޫނީ ހަމަތަކުން ބޭއްވުނު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބެއްގައި ފުރިހަމަކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަކޮށް، ފުރަންވާ ހުރިހާ ފޯމެއް ފުރައި، ޝަރުޠު ހަމަވެގެން ޤާނޫނީ ގޮތުން ކުރަންވާ ހުވާކޮށް ތުލުސްދޫ ކައުންސިލްގައި ކައުންސިލްގެ މެމްބަރުކަން އަދާކުރަމުންދާ މީހެއް ކަމަށާއި، އެހެންކަމުން އޭރު ކުރިމަތިލީ، ޙުކުމެއް އޮތިއްޔާ އެޙުކުމެއް ތަންފީޛުކޮށް އަދި ޙުކުމުގެ ދަށުން ދައްކައި ޚަލާސްކުރަންޖެހޭ ފައިސާއެއް އޮތްނަމަ ޚަލާސްކޮށް ނިންމައި އެ ލިޔުންތައް އިލެކްޝަނުން ޤަބޫލުކޮށް ބަލައިގަނެގެން ކަމަށާއި، އެހެންކަމުން މިހާރު އެ ލިޔުންތައް ޤަބޫލު ނުކުރަންވީ ސަބަބެއް ފެންނަން ނެތަތީއާއި، ވޭތުވެދިޔަ 5 (ފަހެއް) އަހަރުގެ ރެކޯޑް ސާފުކޮށް އެ ކަމާގުޅޭ އިދާރާގެ ލިޔުންވެސް ވާނީ މިފަހަރު ހުށަހަޅާފައި ކަމަށާއި؛
10.5 މީގެ އިތުރުން، އެކިއެކި ފޯމްތަކުގައި ރިޖެކްޓްކުރި ސަބަބުގެ ގޮތުގައި އެކިއެކި ސަބަބުތައް ލިޔެފައިވާކަމަށާއި، އެ ގޮތުން އިލެކްޝަންސް ކޮމިޝަނުން ފާޠިމަތު ސޫޒަންގެ އެޕްލިކޭޝަން ބަލައިނުގަތީ އަސްލު ކޮން ސަބަބަކާހުރެކަން އޭނާއަށް ޔަޤީންކުރަން ދަތި ކަމަށާއި، ފޯމު ނަންބަރު MYP/LCE/2026/673 ބަލައިނުގަންނަ ސަބަބެއްގެ ގޮތުގައި ރެކޯޑްގައި ހިމަނާފައިވާ ”ޖޫރިމަނާ ފައިސާ” ދައްކާފައިވާ ކަމާބެހޭ އިދާރާގެ ލިޔުން ހުށަހަޅާފައިނުވުން ކަމުގައި ބުނެފައިވާކަމަށާއި، ނަމަވެސް ފާޠިމަތު ސޫޒަންގެ ކުށުގެ ރެކޯޑްގައި ”ޖޫރިމަނާ ފައިސާ”އެއްގެ ވާހަކައެއް ނުވާނެކަމަށާއި، އަދި ފޯމު ނަންބަރު MYP/LCE/2026/1945 ބަލައިނުގަތް ސަބަބެއް ކަމުގައި ފާޠިމަތު ސޫޒަން ހުށަހަޅާފައިވާ މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގެ ސިޓީ ކަމަށްބުނެ، ފާޠިމަތު ސޫޒަން ހުށަހެޅި ސިޓީނޫން އެހެން ސިޓީއަކަށް ޙަވާލާދެއްވައި، ލިޔުއްވާފައިވަނީ، ”DI/INDIV/2026/49-13 (10 ފެބްރުވަރީ 2026) ސިޓީއިން އިސްވެ ބަޔާންކުރެވުނު ފަދައިން ކ. ތުލުސްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު H4C/2006/12 ޤަޟިއްޔާގެ ދަށުން ދައްކަންޖެހޭ ފައިސާ ޚަލާސްކޮށްފައިވާކަން އެނގެން ނެތެވެ.“ މިފަދައިން ކަމަށާއި، ނަމަވެސް ފާޠިމަތު ސޫޒަން ހުށަހެޅީ މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގެ ނަންބަރު 13-DI/INDIV/2026/49 ސިޓީ ކަމަށާއި، އެ ސިޓީގައި ކ. ތުލުސްދޫ މެޖިސްޓްރޭޓް ކޯޓުގެ ޤަޟިއްޔާ ނަންބަރު 12/H4C/2006 ގެ ދަށުން ފާޠިމަތު ސޫޒަންގެ ނަމުގައި އެއްވެސް ރެކޯޑެއް އެ މިނިސްޓްރީގައި ނެތްކަމަށް ބަޔާންކޮށްފައިވާކަމަށާއި، ފާޠިމަތު ސޫޒަން ޤަބޫލުކުރަނީ، ޤަޟިއްޔާއެއްގެ މައްޗަށް ބިނާކޮށް ވާހަކަ ދައްކާނަމަ އެ ދައްކަނީ އޭގައި ހުރި ކަންކަމާއި ގުޅޭގޮތުން، އެ އޮޅުންފިލުވަން ބޭނުންވާ ކަންތައްތަކެއްގެ މައްޗަށް އެ މިނިސްޓްރީއެއްގެ މަސްއޫލިއްޔަތު އޮތް ކަމެއްގެ ވާހަކަ ކަމަށާއި، އެހެންކަމުން އެ މިނިސްޓްރީގެ ރެކޯޑްގައި ފާޠިމަތު ސޫޒަންގެ އެއްވެސް މައްސަލައެއް އަދި ދައްކަން ޖެހޭ ފައިސާއެއް ނެތްކަމުގެ ރަސްމީ އިދާރާއެއްގެ ލިޔުން އެ އޮތީ ހުށަހެޅިފައި ކަމަށާއި؛
10.6 އަދި ފާޠިމަތު ސޫޒަން، މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއަށް ގުޅައި އިތުރަށް މަޢުލޫމާތު ސާފުކުރުމުން، އެ ވުޒާރާގެ ރެކޯޑްތައް ހުރީ 2009ވަނަ އަހަރުން ފެށިގެން ކަމަށްވެފައި، ފެންނަންހުރި އެއްވެސް ލިޔުމަކުން ފާޠިމަތު ސޫޒަންގެ އެއްވެސް މަޢުލޫމާތެއް ނެތްކަން އެނގުނުކަމަށާއި، ވުޒާރާއަކުން ބަލަހައްޓަންޖެހޭ ލިޔެކިޔުންތަކެއް ނުބެލެހެއްޓުމުގެ ސަބަބުން ޚިދުމަތް ހޯދަން ދާމީހާއަށް އެ ޚިދުމަތުގެ ފުރިހަމަ މަޢުލޫމާތު ނުދެވުމަކީ، އެ ޚިދުމަތް ހޯދަން ދާ ފަރާތުން އެކަމުގެ ޒިންމާ އުފުލަންޖެހޭނެ ކަމެއްކަމުގައި ފާޠިމަތު ސޫޒަން ނުދެކޭކަމަށާއި، އެ ލިޔުމެއް އެ ވުޒާރާއަކުން ދެއްވި ގޮތަކަށް ހުށަހެޅުން ނޫންގޮތެއް ފާޠިމަތު ސޫޒަންއަށް ނެތް ކަމަށާއި، މަޖުބޫރުކޮށްގެން އިލެކްޝަންސް ކޮމިޝަނުން ބޭނުންވާ ލިޔުން ހޯދޭނެ ޤާނޫނީ އެއްވެސް ހަމައެއްވެސް ނެތް ކަމަށެވެ.
މައްސަލަ ހުށަހެޅި ފަރާތުން އެދިފައިވާ ގޮތް
11މި ކަންކަން ފާހަގަކޮށް، ފާޠިމަތު ސޫޒަންގެ ފަރާތުން އެދިފައިވަނީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026 ގައި ވާދަކުރުމަށްއެދި ފާޠިމަތު ސޫޒަން ހުށަހަޅާފައިވާ ފޯމްތައް ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބާޠިލުކަމަށް ކަނޑައަޅައި، އަދި އެ އިންތިޚާބުގައި ވާދަކުރުމަށް ފާޠިމަތު ސޫޒަންގެ ޝަރުޠު ހަމަވާކަމަށް ނިންމަވައި، ޤާނޫނުއަސާސީގެ 26ވަނަ މާއްދާގެ (ށ)ގެ ދަށުންނާއި ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބުގެ ޤާނޫނު)ގެ ދަށުން 04 އޭޕްރީލް 2026 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ފާޠިމަތު ސޫޒަން ވާދަކުރުމަށް ހުށަހެޅި ހުށަހެޅުން ޤަބޫލުކުރުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރުކުރައްވައި މައްސަލަ ނިންމަވައިދިނުމަށެވެ.
އިލެކްޝަންސް ކޮމިޝަނުގެ ޖަވާބުގެ ޚުލާޞާ
12މި މައްސަލައަށް ޖަވާބުދާރީވުމުގެ ގޮތުން މައްސަލަ ރައްދުވާ އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ؛
12.1 ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 17ވަނަ މާއްދާގައިވާ ގޮތުގެމަތިން، އިންތިޚާބަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ކުރި ނަންބަރު IUL)38-AC/38/2026/43) އިޢުލާނުގައި، އިންތިޚާބަށް ކުރިމަތިލުމަށް އެދޭމީހާ ހުށަހަޅަންވާނެކަމަށް ބަޔާންކޮށްފައިވާ، ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރާއިރު އެއްވެސް ރެކޯޑެއް އޮތްނަމަ އެކަމުގެ ތަފްޞީލް އަދި ފައިސާއެއް ދައްކަން ޙުކުމްކޮށްފައިވާނަމަ އެފައިސާ ދައްކާފައިވާ ކަމުގެ ނުވަތަ ޙުކުމާ އެއްގޮތަށް ފައިސާ ދައްކަމުންދާކަން އެނގޭނެ، ކަމާބެހޭ އިދާރާއަކުން ދީފައިވާ ލިޔުން ހުށަހަޅަންވާނެކަމުގައި ބަޔާންކޮށްފައިވީ ނަމަވެސް، ފާޠިމަތު ސޫޒަންގެ ކުށުގެ ރެކޯޑުގައި ހިމަނާފައިވާ ފައިސާ ދައްކާފައިވާ ކަމާބެހޭ އިދާރާގެ ލިޔުން ހުށަހަޅާފައިނުވާކަމަށާއި، ކުށުގެ ރެކޯޑުގައި ހިމަނާފައިވާ ފައިސާ ދައްކާފައިވާ ކަމުގެ ލިޔުން ހުށަހަޅާފައިނުވާތީ އެ ހުށަހެޅުން ބަލައިގަނެވެން ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާކަމަށާއި؛
12.2 އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހެޅި ހުށަހެޅުން އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަންނަން ނިންމާފައިވަނީ ޤާނޫނުއަސާސީގެ 26ވަނަ މާއްދާގެ (ށ) އާ ޚިލާފަށް ކަމަށާއި، ޤާނޫނުއަސާސީގެ 16ވަނަ މާއްދާއާއި 69ވަނަ މާއްދާއާ ޚިލާފަށް ފާޠިމަތު ސޫޒަންގެ ޙައްޤު ނިގުޅައިގަނެފައިވާކަމަށް ފާޠިމަތު ސޫޒަން ބުނެފައިވީނަމަވެސް، އިންތިޚާބުތަކުގައި އެކިއެކި މަޤާމުތަކަށް ކުރިމަތިލުމުގެ ޙައްޤާ ގުޅޭ ޤާނޫނީ އިޖުރާއަތު ބަޔާންކޮށްފައިވަނީ ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގައި ކަމާއި، އެޤާނޫނުގެ 17ވަނަ މާއްދާގެ (7)ވަނަ ނަންބަރުގައި އިންތިޚާބަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ކުރާ އިޢުލާނުގައި ބަޔާންކޮށްފައިވާ ތަކެތި ހުށަހަޅަންވާނެކަމަށް ބަޔާންކޮށްފައިވާކަމާއި، ދެންނެވުނު އިޢުލާނުގައި އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފަރާތުގެ ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރާއިރު އެއްވެސް ރެކޯޑެއް އޮތްނަމަ އެކަމުގެ ތަފްޞީލް އަދި ފައިސާއެއް ދައްކަން ޙުކުމްކޮށްފައިވާނަމަ އެފައިސާ ދައްކާފައިވާ ކަމުގެ ނުވަތަ ޙުކުމާ އެއްގޮތަށް ފައިސާ ދައްކަމުންދާކަން އެނގޭނެ، ކަމާބެހޭ އިދާރާއަކުން ދީފައިވާ ލިޔުން ހުށަހަޅަންވާނެކަމުގައި ބަޔާންކޮށްފައިވީ ނަމަވެސް، ފާޠިމަތު ސޫޒަންގެ ކުށުގެ ރެކޯޑުގައި ހިމަނާފައިވާ ފައިސާ ދައްކާފައިވާ ކަމާބެހޭ އިދާރާގެ ލިޔުން ހުށަހަޅާފައި ނުވާތީ، އޭނާ ހުށަހެޅި ހުށަހެޅުން ބަލައިނުގަންނަން ކޮމިޝަނުން ނިންމާފައިވަނީ ޤާނޫނާ ޚިލާފަށް ނޫންކަމުގައި ދެކޭކަމަށާއި؛
12.3 އަދި އިންތިޚާބަށް ކުރިމަތިލުމަށް އެދި ފާޠިމަތު ސޫޒަންގެ ފަރާތުން ހުށަހެޅި ހުށަހެޅުންތައް ބަލައިގަތުމުގައި އިލެކްޝަންސް ކޮމިޝަނުން ޢަމަލުކޮށްފައިވާ ގޮތަކީ، 19 ޖަނަވަރީ 2026، 20 ޖަނަވަރީ 2026، އަދި 23 ޖަނަވަރީ 2026 ގައި ހުށަހެޅި ހުށަހެޅުންތަކުގައި މުޅި ޢުމުރަށް ނަގާފައިވާ ކުށާއި، ދަރަނީގެ ރެކޯޑު ފޯމުގައި ކުށެއް އޮތް ކަމަށް ބަޔާން ކޮށްފައިވީނަމަވެސް، ކުށުގެ ތަފްޞީލް ހުށަހަޅާފައިނުވާތީ، ފާޠިމަތު ސޫޒަންގެ ހުށަހެޅުން ބަލައިނުގަތުމަށް ނިންމުން ކަމަށާއި، އަދި 26 ޖަނަވަރީ 2026، 29 ޖަނަވަރީ 2026 އަދި 31 ޖަނަވަރީ 2026 ގައި ހުށަހެޅި ހުށަހެޅުންތަކުގައި މުޅި ޢުމުރަށް ނަގާފައިވާ ކުށާއި، ދަރަނީގެ ރެކޯޑު ފޯމުގައި ކުށެއް އޮތް ކަމަށް ބަޔާން ކޮށްފައިވާނަމަ ނުވަތަ ފައިސާއެއް ދައްކަން ޙުކުމްކޮށްފައިވާނަމަ އެފައިސާ ދައްކާފައިވާ ކަމުގެ ނުވަތަ ޙުކުމާ އެއްގޮތަށް ފައިސާ ދައްކަމުންދާކަން އެނގޭނެ، ކަމާބެހޭ އިދާރާއަކުން ދީފައިވާ ލިޔުން ހުށަހަޅަންވާނެކަމުގައި ބަޔާންކޮށްފައިވީ ނަމަވެސް، ފާޠިމަތު ސޫޒަންގެ ކުށުގެ ރެކޯޑުގައި ހިމަނާފައިވާ، ކ. ތުލުސްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 12/H4C/2006 ޤަޟިއްޔާއިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް -12,000 (ބާރަހާސް) ރުފިޔާ ދެއްކުމަށް ކޮށްފައިވާ ޙުކުމުގެ ދަށުން ދައްކަންޖެހޭ ފައިސާ ދައްކާ ޚަލާސްކޮށްފައިވާކަން އަންގައިދޭ ކަމާބެހޭ އިދާރާގެ ލިޔުމެއް ހުށަހަޅާފައި ނުވާތީ، އޭނާގެ އެ ހުށަހެޅުން ބަލައިނުގަތުމަށް ނިންމުން ކަމަށާއި، މީގެ އިތުރުން، 01 ފެބްރުވަރީ 2026 ގައި ހުށަހެޅި ހުށަހެޅުމުގައި މުޅި ޢުމުރަށް ނަގާފައިވާ ކުށާއި، ދަރަނީގެ ރެކޯޑު ފޯމުގައި ކުށެއް އޮތް ކަމަށް ބަޔާންކޮށްފައިވާނަމަ ނުވަތަ ފައިސާއެއް ދައްކަން ޙުކުމްކޮށްފައިވާނަމަ އެފައިސާ ދައްކާފައިވާ ކަމުގެ ނުވަތަ ޙުކުމާ އެއްގޮތަށް ފައިސާ ދައްކަމުންދާކަން އެނގޭނެ، ކަމާބެހޭ އިދާރާއަކުން ދީފައިވާ ލިޔުން ހުށަހަޅަންވާނެކަމުގައި ބަޔާންކޮށްފައިވީ ނަމަވެސް، ފާޠިމަތު ސޫޒަންގެ ކުށުގެ ރެކޯޑުގައި ހިމަނާފައިވާ، ކ. ތުލުސްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 12/H4C/2006 ޤަޟިއްޔާއިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް -12,000 (ބާރަހާސް) ރުފިޔާ ދެއްކުމަށް ކޮށްފައިވާ ޙުކުމުގެ ދަށުން ދައްކަންޖެހޭ ފައިސާ ދައްކާ ޚަލާސްކޮށްފައިވާކަން އަންގައިދޭ ކަމާބެހޭ އިދާރާގެ ލިޔުމެއް ހުށަހަޅާފައި ނުވާކަން ފާހަގަކުރެވިފައިވާކަމަށާއި، އަދި ފާޠިމަތު ސޫޒަންގެ ފަރާތުން އެޕްލިކޭޝަންއާއެކު ހުށަހަޅާފައިވާ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގެ ނަންބަރު -13 DI/INDIV/2026/49 (01 ފެބްރުއަރީ 2026) ސިޓީގައި ބަޔާންކޮށްފައިވަނީ އެ މިނިސްޓްރީގެ ރެކޯޑްތައް ދައްކާގޮތުން ކ. ތުލުސްދޫ މެޖިސްޓްރޭޓް ކޯޓުގެ ޤަޟިއްޔާ ނަންބަރު 12/H4C/2006 ގެ ދަށުން ފާޠިމަތު ސޫޒަންގެ ނަމުގައި އެއްވެސް ރެކޯޑެއް އެ މިނިސްޓްރީގައި ނެތްކަންކަމަށާއި، އެ ސިޓީން، އިސްވެ ބަޔާންކުރެވުނު ކޯޓު ޙުކުމުގެ ދަށުން ދައްކަންޖެހޭ ފައިސާ ދައްކައި ޚަލާސްކޮށްފައިވާކަން އެނގެން ނެތުމުން، އެ ފައިސާ ދެއްކި ކަމުގެ ލިޔުމެއް ހުށަހަޅާފައިނުވާތީ، އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހެޅި ހުށަހެޅުން ބަލައިނުގަތުމަށް ނިންމާފައިވާކަމަށާއި؛
12.4 އަދި ފާޠިމަތު ސޫޒަން އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހެޅި ކުށުގެ ރެކޯޑުގައި، ކ. ތުލުސްދޫ މެޖިސްޓްރޭޓް ކޯޓުގެ ޤަޟިއްޔާ ނަންބަރު 12/H4C/2006 ގެ ދަށުން [ޚިޔާނާތްތެރިވި ފައިސާގެ ގޮތުގައި -12000 މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ދެއްކުމަށް] ކޮށްފައިވާ ޙުކުމުގެ ދަށުން ދައްކަންޖެހޭ ފައިސާ ދައުލަތަށް ދެއްކިކަން އެނގޭނެ އެއްވެސް ލިޔުމެއް ހުށަހަޅާފައިނުވާތީ، މި ފައިސާއަކީ ފާޠިމަތު ސޫޒަންގެ ފަރާތުން ދައުލަތުގެ އިދާރާއަކަށް ދައްކަންޖެހި، ނުދައްކާވާ ފައިސާއެއްކަން އެނގޭކަމަށާއި، އިލެކްޝަންސް ކޮމިޝަން ވ. ޙަސަން މޫސާ14 ޤަޟިއްޔާގެ ޙުކުމުގެ 17ވަނަ ޕެރެގްރާފުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ސާބިތު ދަރަނި މާނަކޮށްފައިވަނީ، ”ސާބިތު ދަރަންޏަކީ ކޯޓެއްގެ ޙުކުމެއްގެ ދަށުން އެއް ފަރާތުން އަނެއް ފަރާތަށް ދެއްކުން ލާޒިމުވާ ފައިސާއެވެ. އެ ފައިސާއަކީ ދަރިންގެ ޚަރަދު ކަމަށް ވިޔަސް، އަނބިމީހާއަށް ކުރަންޖެހޭ ޚަރަދުކަމަށް ވިޔަސް، މައިންބަފައިން ބެލުމުގެ ޚަރަދުކަމަށް ވިޔަސް، ދޯންޏެއް މަރާމާތުކުރުމުގެ ޚަރަދެއް ކަމަށް ވިޔަސް އަދި ގެއްލުމުގެ ބަދަލުގެ ގޮތުގައި ކޯޓުން ނަގައިދޭ ފައިސާއެއް ކަމަށް ވިޔަސް، މީހަކު އެހެން މީހަކަށް ދައްކަން ކޯޓުގެ އަމުރަކުން ލައްވާ ކޮންމެ ފައިސާއަކީ ސާބިތު ދަރަންޏެވެ.“ މިފަދައިން ކަމަށާއި، އަދި އިތުރަށް ސުޕްރީމް ކޯޓުން ބުނެފައިވަނީ، ”ކޯޓުގެ ޙުކުމަކުން ލައްވާ ފައިސާއެއްގެ ނަން ތަފާތުވުމަކުން، ކޯޓުގެ ޙުކުމަކުން ލައްވާ ފައިސާއެއްގެ ޤާނޫނީ ނަތީޖާއަށް ބަދަލެއް ނާންނާނެއެވެ.“ މިފަދައިން ކަމަށާއި؛
12.5 އަދި ފާޠިމަތު ސޫޒަންއަކީ މިހާރުވެސް ކ. ތުލުސްދޫ ކައުންސިލްގެ މެންބަރެއްކަމުގައި ވުމީ ކުރިޔަށް އޮތް އިންތިޚާބުގައި ވާދަކުރުމުގެ ޝަރުޠުހަމަވާކަމަށް ކަނޑައަޅަންޖެހޭ ސަބަބެއް ނޫން ކަމުގައި ދެކޭކަމަށާއި، 2020 އޭޕްރީލް 04 ގައި އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމަށް ފާޠިމަތު ސޫޒަން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ހުށަހެޅުން ބަލައިގަނެ އެ ފަރާތުގެ ޝަރުޠުހަމަވާކަމަށް ކަނޑައަޅާފައިވަނީ، އެއިރު ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް ބެލުމަށްފަހު އެ ލިޔެކިޔުންތަކުގައި ފާޠިމަތު ސޫޒަންގެ ޝަރުޠު ހަމަވާތީ ކަމަށާއި؛
12.6 ފާޠިމަތު ސޫޒަންގެ ވޭތުވެދިޔަ 5 (ފަހެއް) އަހަރުގެ ރެކޯޑް ސާފުކަމަށް ފާޠިމަތު ސޫޒަން ބުނެފައިވީނަމަވެސް، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026 އަށް ކުރިމަތިލުމަށް ހުޅުވާލުމަށް ކުރި އިޢުލާނުގައި، މުޅި ޢުމުރަށް ސާފުކޮށްފައިވާ ކުށާއި ދަރަނީގެ ރެކޯޑު ހުށަހަޅަންވާނެކަމުގައި ބަޔާންކޮށްފައިވާކަމަށާއި، އަދި ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12ވަނަ މާއްދާގައި އިންތިޚާބުގައި ވާދަކުރުމަށް އެދި ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތަކުގެ ތެރޭގައި، އެ މާއްދާގެ (ހ) ގެ 7ވަނަ ނަންބަރުގައި އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ މީހަކު ކަމުގައިވުމާއި، 8ވަނަ ނަންބަރުގައި އެއްވެސް ޖިނާއީ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެ، ޙުކުމެއް ތަންފީޛުކުރަމުންދާ މީހަކު ކަމުގައިނުވުމާއި، 9ވަނަ ނަންބަރުގައި ކުޑަކުއްޖަކާ މެދު ބަދުއަޚްލާޤީ ޢަމަލެއް ހިންގިކަން ނުވަތަ މީހެއްގެ ޢިއްފަތްތެރިކަން ފޭރިގަތްކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ވެގެން ނުވާނެކަމަށް ބަޔާންކޮށްފައިވާއިރު، އިންތިޚާބަށް ކުރިމަތިލާފައިވާ މީހަކު މި ބާވަތުގެ ކުށެއް ކުރިކަން ނުވަތަ ނުކުރާކަން ބެލުމަށް އެމީހެއްގެ ކުށާއި ދަރަނީގެ ރެކޯޑް ޢުމުރުން 18 އަހަރުން ފެށިގެން އިންތިޚާބަށް ކުރިމަތިލުމާ ހަމައަށް ސާފުކުރަންޖެހޭކަމަށާއި؛
12.7 އަދި މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގެ ނަންބަރު -13 DI/INDIV/2026/49 (01 ފެބްރުއަރީ 2026) ސިޓީގައި ބަޔާންކޮށްފައިވަނީ، އެ ވުޒާރާގެ ރެކޯޑްތައް ދައްކާގޮތުން ކ. ތުލުސްދޫ މެޖިސްޓްރޭޓް ކޯޓުގެ ޤަޟިއްޔާ ނަންބަރު 12/H4C/2006 ގެ ދަށުން ފާޠިމަތު ސޫޒަންގެ ނަމުގައި އެއްވެސް ރެކޯޑެއް ނެތް ވާހަކަ ކަމަށާއި، އެ ސިޓީގެ ޢިބާރާތަށް ބަލާއިރު، ”އެއްވެސް ރެކޯޑެއް ނެތްކަމަށް“ ބަޔާންކޮށްފައިވުމުން އިސްވެ ބަޔާންކުރެވުނު ކޯޓު ޙުކުމުގެ ދަށުން ފާޠިމަތު ސޫޒަން ދައްކަންޖެހޭ ފައިސާ ދައްކައި ޚަލާސްކޮށްފައިވާކަން ނުވަތަ ނޫންކަން އެނގެން ނެތްކަން ފާހަގަކުރާ ކަމަށާއި، އެއްވެސް ރެކޯޑެއް ނެތްކަމަށް ބަޔާންކުރުމާއި، ދައްކަންޖެހޭ ފައިސާއެއް ދެއްކިކަން ނުވަތަ ނުދައްކާކަމުގެ މަޢުލޫމާތަކީ ތަފާތު ދެވާހަކައެއް ކަމުގައި ދެކޭކަމަށާއި، މީގެއިތުރުން، ފާޠިމަތު ސޫޒަން އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހެޅި އެއްވެސް ލިޔުމެއްގައި، އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައިވާ ފޯމާއި، އެ ފޯމާއެކު ހުށަހެޅި ލިޔުމެއްގައިވެސް، ކ. ތުލުސްދޫ މެޖިސްޓްރޭޓް ކޯޓުގެ ޤަޟިއްޔާ ނަންބަރު 12/H4C/2006 ގެ ދަށުން ”ޚިޔާނާތްތެރިވި ފައިސާގެ ގޮތުގައި -12000 މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަށް ދެއްކުމަށް“ ކޮށްފައިވާ ޙުކުމުގެ ދަށުން ދައްކަންޖެހޭ ފައިސާ ދައުލަތަށް ދެއްކިކަމަށް އިޢުތިރާފު ވެފައިނުވާކަން ފާހަގަކުރާކަމަށެވެ.
މައްސަލަ ރައްދުވާ ފަރާތުން އެދިފައިވާގޮތް
13މަތީގައި ބަޔާންކުރެވުނު ފަދައިން މައްސަލައަށް ޖަވާބު ދިނުމަށްފަހު، އިލެކްޝަންސް ކޮމިޝަނުން އެދިފައިވަނީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026 ގައި ވާދަކުރުމަށް ފާތިމަތު ސޫޒަން ހުށަހެޅި އެޕްލިކޭޝަން ފޯމާއެކު ހުށަހަޅާފައިވާ ކުށުގެ ރެކޯޑުގައި ކ. ތުލުސްދޫ މެޖިސްޓްރޭޓް ކޯޓުގެ ޤަޟިއްޔާ ނަންބަރު 12/H4C/2006 ގެ ދަށުން ”ޚިޔާނާތްތެރިވި ފައިސާގެ ގޮތުގައި -12000 ރުފިޔާ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަށް ދެއްކުމަށް“ ކޮށްފައިވާ ޙުކުމުގެ ދަށުން މިނިސްޓްރީއަށް ދައްކަންޖެހޭ ފައިސާ ދެއްކިކަން އެނގޭނެ ކަމާބެހޭ އިދާރާގެ ލިޔުމެއް ހުށަހަޅާފައިނުވާތީ، އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހެޅި ހުށަހެޅުން ޤަބޫލު ނުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނާއި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނާ އެއްގޮތަށް ކަމަށް ކަނޑައަޅައިދިނުމަށެވެ.
14މި މައްސަލައަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރުމަށް އެދި ކުރިމަތިލާ މީހުންގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުޠާ ގުޅޭ މައްސަލައަކަށްވާތީ، ޤާނޫނުގައި ކެންޑިޑޭޓުންގެ ކިބައިގައި ފުރިހަމަވާންޖެހޭކަމަށް ބަޔާންކުރާ ޝަރުޠުތަކަށް އެންމެ ފުރަތަމަ ބަލައިލާނަމެވެ.
ކެންޑިޑޭޓުންގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުޠުތައް
15ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރުމަށް އެދި ކުރިމަތިލާ މީހުންގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުޠުތައް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގެ 12ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. އެ މާއްދާގައި ބަޔާންކޮށްފައިވަނީ އަންނަނިވި ގޮތަށެވެ. އިންތިޚާބުގައި 12. (ހ) ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރުމަށް އެދި ކުރިމަތިލާ މީހުންގެ ވާދަކުރުމަށް އެދި ކިބައިގައި، އަންނަނިވި ޝަރުޠުތައް ފުރިހަމަވާންވާނެއެވެ. ކުރިމަތިލާ މީހުންގެ (1) ދިވެހި ރައްޔިތަކަށްވުން؛ ކިބައިގައި ހުންނަންޖެހޭ (2) ބޭރު ޤައުމެއްގެ ރައްޔިތަކަށް ނުވުން؛ ޝަރުޠުތައް (3) ބޭރު ޤައުމެއްގެ ރައްޔިތަކު ދިވެހި ރައްޔިތަކަށް ވެފައިވާނަމަ އެ މީހަކު ދިވެހި ރައްޔިތަކަށް ވުމަށްފަހު 5 (ފަހެއް) އަހަރު ފާއިތުވެފައިވުން؛ (4) މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައިވުން؛ (5) ޢުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން؛ (6) ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުން؛ (7) އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ މީހަކު ކަމުގައިވުން؛ (8) އެއްވެސް ޖިނާއީ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެ، ޙުކުމެއް ތަންފީޛުކުރަމުންދާ މީހަކު ކަމުގައި ނުވުން؛ (9) ކުޑަކުއްޖަކާމެދު ބަދުއަޚްލާޤީ ޢަމަލެއް ހިންގިކަން ނުވަތަ މީހެއްގެ ޢިއްފަތްތެރިކަން ފޭރިގަތްކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައިނުވުން؛ (10) މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެ، އެމީހެއްގެ މައްޗަށް ޙުކުމެއް ކޮށްފައިވާނަމަ، އެ ޙުކުމެއް ތަންފީޛުކޮށް ނިމުނުތާ 7 (ހަތެއް) އަހަރު ފާއިތުވެފައިވުން ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފުކޮށްދެވުނުތާ 7 (ހަތެއް) އަހަރު ފާއިތުވެފައިވުން؛ (11) މި މާއްދާގެ (ހ) ގެ (9) ވަނަ ނަންބަރާއި (10) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކުށްތައް ފިޔަވައި އެހެން ޖިނާއީ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެ، އެ މީހެއްގެ މައްޗަށް 12 (ބާރަ) މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ކޮށްފައިވާނަމަ، އެ ޙުކުމެއް ތަންފީޛުކޮށް ނިމުނުތާ 3 (ތިނެއް) އަހަރު ފާއިތުވެފައިވުން ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފުކޮށްދެވުނުތާ 3 (ތިނެއް) އަހަރު ފާއިތުވެފައިވުން.
ދަރަނީގެ ޝަރުޢު
16HN1އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ މީހެއް ކަމުގައިވުމަކީ، އިންތިޚާބަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ކިބައިގައި ފުރިހަމަވާންޖެހޭ އަސާސީ އެއް ޝަރުޢުކަން އިސްވެ ބަޔާންކުރެވުނު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު ގެ 12ވަނަ މާއްދާގެ
(ހ)ގެ 7ވަނަ ނަންބަރުން ސާފުވެއެވެ. އަދި އިންތިޚާބަށް ކުރިމަތިލާފައިވާ ފަރާތުގެ ކިބައިގައި ސާބިތު ދަރަންޏާ ގުޅޭ ޝަރުޢު ފުރިހަމަވޭތޯ ބެލުމުގައި ދެ ކަމަކަށް ބަލަންޖެހޭކަން އެނގެއެވެ. އެ ގޮތުން ބަލަންޖެހޭ ފުރަތަމަ ކަމަކީ، އިންތިޚާބަށް ކުރިމަތިލާފައިވާ ފަރާތުގެ މައްޗަށް ދަރަންޏެއް އޮތްތޯއެވެ. ދެވަނަ ކަމަކީ، ދަރަންޏެއް އޮތްނަމަ ޙުކުމާ އެއްގޮތަށް ދަރަނި ދައްކަމުންދާ ފަރާތެއްތޯ ބެލުމެވެ.
17HN4އެ ގޮތުން ބަލާއިރު، ފާޠިމަތު ސޫޒަންއަކީ، 2020 އޭޕްރީލު 04 ގައި އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކޮށް ކ. ތުލުސްދޫ ކައުންސިލްގެ މެންބަރެއްގެ ގޮތުގައި އިންތިޚާބުވެފައިވާތީ، މިހާރުވެސް އެ ކައުންސިލްގެ މެންބަރެއްގެ ގޮތުގައި ހުރި ފަރާތެކެވެ.
18ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 ގެ ބޭނުމަށްޓަކައި ސާފުކޮށްފައިވާ، ފާޠިމަތު ސޫޒަންގެ ކުށާއި ދަރަނީގެ ރެކޯޑަށް ބަލާއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި، ދިވެހިރާއްޖޭގެ ހައިކޯޓުން ސާފުކޮށްފައިވާ، ކުށާއި ދަރަނީގެ ރެކޯޑުގައި، އަދާކުރަންޖެހޭ ސާބިތު ދަރަންޏެއްގެ މައްސަލައެއް ނެތްކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ދޫކޮށްފައިވާ ކުށާއި ދަރަނީގެ ރެކޯޑުގައިވެސް އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް ނެތްކަމަށް ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން ކުށުގެ ރެކޯޑާ އެޓޭޗްކޮށްފައިވާ ރެކޯޑުގެ ތަފްޞީލުގައިވެސް ކުށުގެ އަދަބާ ގުޅިގެން އެއްވެސް ފައިސާއެއް ދައްކަން ޙުކުމްކޮށްފައިވާކަމަށް ބަޔާންކޮށްފައިނުވެއެވެ.
19ފާޠިމަތު ސޫޒަންއަކީ، ކ. ތުލުސްދޫ ކައުންސިލްގެ މެންބަރެއްގެ ގޮތުގައި މިހާރުވެސް ހުރި މީހަކަށްވާއިރު، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026 ގެ ބޭނުމަށްޓަކައި ވޭތުވެދިޔަ 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށް ބަލައި، ސާފުކޮށްފައިވާ ކުށާއި ދަރަނީގެ ރެކޯޑުގައި ފާޠިމަތު ސޫޒަންގެ މައްޗަށް ވޭތުވެދިޔަ 5 (ފަހެއް) އަހަރު ދުވަހުގެ ތެރޭގައި ޝަރުޢީ ދާއިރާގެ ކޯޓަކުން ސާބިތުވެފައިވާ ކުށުގެ ރެކޯޑެއް އަދި ދަރަނީގެ ރެކޯޑެއްވެސް ނެތްކަން އެނގެން އޮވެއެވެ.
20ފާޠިމަތު ސޫޒަންއަކީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 ގައި ހުރިހާ ޝަރުޠެއް ހަމަވާކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމާ ގުޅިގެން އެ އިންތިޚާބުގައި ވާދަކޮށް ކ. ތުލުސްދޫ ކައުންސިލްގެ މެންބަރެއްގެ ގޮތުގައި އިންތިޚާބުވެ، މިހާރުވެސް އެ ކައުންސިލްގެ މެންބަރެއްގެ ގޮތުގައި ހުރި ފަރާތަކަށްވާއިރު، އަދި ފާޠިމަތު ސޫޒަންގެ މައްޗަށް ވޭތުވެދިޔަ 5 (ފަހެއް) އަހަރު ދުވަހުގެ ތެރޭގައި ޝަރުޢީ ދާއިރާގެ ކޯޓަކުން ސާބިތުވެފައިވާ ކުށުގެ ރެކޯޑެއް އަދި ދަރަނީގެ ރެކޯޑެއްވެސް ނެތްކަން އެނގެން އޮންނާތީ، މި ޙާލަތުގައި ބެލެވޭނީ ކުށުގެ ރެކޯޑެއް ނެތް މީހެއް ކަމުގައެވެ.
21ފާޠިމަތު ސޫޒަންގެ ކުށުގެ ރެކޯޑުގައި ހިމަނާފައިވާ ދަރަންޏަކީ، ކ. ތުލުސްދޫ ކޯޓުން 25 ޑިސެންބަރު 2006 ގައި ނިންމާފައިވާ އެ ކޯޓުގެ ނަންބަރު 12/H4C/2006 ޤަޟިއްޔާގައި -/000،12 (ބާރަހާސް) ރުފިޔާ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ދެއްކުމަށް އަންގާފައިވާތީ، އެ ޙުކުމާ ގުޅިގެން ދައްކަންޖެހޭ ފައިސާއެވެ. އެ ޙުކުމުގެ ފަހުން މިހާރު 19 (ނަވާރަ) އަހަރަށްވުރެ ގިނަދުވަސް ވެފައިވާއިރު، އެ ދަރަންޏަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 ގެ ބޭނުމަށްޓަކައި ސާފުކުރި ރެކޯޑުގައި ނެތް ކަމަށް ބަޔާންފައިވާ ދަރަންޏެކެވެ. އަދި މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވުޒާރާގައި އެ ޤަޟިއްޔާގެ ދަށުން ފާޠިމަތު ސޫޒަންގެ ނަމުގައި އެއްވެސް ރެކޯޑެއް ނެތްކަން އެ ވުޒާރާގެ ނަންބަރު 13-D1/INDIV/2026/49 (އަމިއްލަ މީހުން ހުށަހަޅާ ކަންކަމަށް ދޭ ޖަވާބު)ން އެނގެއެވެ.
22ފާޠިމަތު ސޫޒަންގެ ފަރާތުން 03 ފެބްރުވަރީ 2026 ގައި މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވުޒާރާއަށް ފޮނުވާފައިވާ ސިޓީގައި، ނަންބަރު 12/H4C/2006 ޤަޟިއްޔާގައިވާ ގޮތުގެ މަތިން ފާޠިމަތު ސޫޒަން ވާނީ ޙުކުމް ތަންފީޛުކޮށް ނިންމައި، އަދި ފައިސާ ޚަލާޞްކޮށް ނިންމާފައި ކަމަށާއި، ފާޠިމަތު ސޫޒަންގެ ފަރާތުން އެ ފައިސާ މިނިސްޓްރީއަށް ދެއްކީ ބޮޑުބޭބެއެއް ކަމަށާއި، މިހާރު ބޮޑުބޭބެ ދުނިޔޭގައި ނެތްކަމަށާއި، 2006ވަނަ އަހަރުގެ ކަމެއް ކަމުން މިހާރު އެ ފަދަ ލިޔުމެއް އޮތުން އެއީ، އަދި އެ ހޯދައި ފެނުންވެސް އެއީ ނާދިރުކަމެއް ކަމަށް ބުނެފައިވެއެވެ.
23HN3ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-E/17 (ޙުސައިން ޝިހާމް ވ. އިލެކްޝަންސް ކޮމިޝަން) ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ (ނ) ގައި، ”...އެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއަކަށްވެފައި، އެ މުޢާމަލާތާ ބެހޭ ލިޔެކިއުން ބެލެހެއްޓުމާއި، އެ ފައިސާ ހޯދުމަށްޓަކައި ދަޢުވާކުރުމާއި، މި ކަންކަމަކީ ދައުލަތުގެ ފަރާތުން ކުރަންޖެހޭ ކަމަކަށްވާއިރު އެ ފަރާތުގައިވެސް އެ މުޢާމަލާތާ ބެހޭގޮތުން ކަނޑައެޅިގެން ވަކިގޮތަކަށް ބުރަވެވޭފަދަ ހަރުދަނާ މަޢުލޫމާތެއް ނެތްކަން މާޅޮސްމަޑުލު އުތުރުބުރީ ކައުންސިލްގެ އިދާރާގެ ނަންބަރު 229-G/MIS/2011/46 ސިޓީގައި އެނގެން އޮތްއިރު އެ ފައިސާ ޢަބްދުއްނާސިރު ޢަލީ ދައްކާ ޚަލާޞްކޮށްފައިނުވާކަން ކަނޑައެޅިގެން ބެލެވޭނެ ސަބަބެއް އޮތް ކަމަކަށް މި ޙާލަތުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފެނެއެވެ.“ މިފަދައިން ކަނޑައަޅުއްވާފައިވާކަން އެނގެން އޮވެއެވެ.
24އިސްވެ ބަޔާންކުރެވުނު ކަންކަމުގެ އަލީގައި މި މައްސަލައިގެ ޙަޤީޤަތްތަކުގެ މައްޗަށް ބަލާއިރު، ފާޠިމަތު ސޫޒަންގެ މައްޗަށް ސާބިތުވެފައިވާ ދަރަނި ޚަލާޞްކޮށްފައިވާނެ ކަމަށާއި، ނަމަވެސް އެއީ މާ ކުރިން ހިނގާފައިވާ ކަމަކަށްވާތީ ފައިސާ ދެއްކިކަން އެނގޭނެ ލިޔުމެއް މިހާރު ފެންނަން ނެތްކަމަށް ފާޠިމަތު ސޫޒަން ބުނެއެވެ.
25HN2ފާޠިމަތު ސޫޒަންގެ މައްޗަށް ސާބިތުވެފައިވާ ދަރަންޏަކީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ (މިހާރު މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާ) އަށް ލިބެންޖެހޭ ފައިސާއެއް ކަމަށްވާއިރު، ކޯޓުގެ ޙުކުމާ އެއްގޮތަށް އެ ފައިސާ ދައްކާފައިނުވާނަމަ، ފައިސާ ހޯދުމުގެ ގޮތުން ޙުކުމް ތަންފީދުކުރުމުގެ މައްސަލައެއް ހުށަހެޅުމަކީ އެ ފަރާތުން ކުރަންޖެހޭނެ ކަމެކެވެ. އަދި އެ ޙުކުމުގެ ރެކޯޑްތައް އެކަށީގެންވާ ގޮތެއްގައި ބެލެހެއްޓުމަކީ އެ އިދާރާގެ ޒިންމާއެކެވެ. އެހެންނަމަވެސް، އެ އިދާރާގައި މި ދަރަންޏާ ގުޅޭ އެއްވެސް ރެކޯޑެއް މިހާރު ނެތްކަން ހުށަހަޅާފައިވާ ލިޔެކިޔުންތަކުން އެނގެއެވެ.
26އެހެންކަމުން، ދައުލަތަށް ދައްކަންޖެހޭ ދަރަންޏާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-E/17 (ޙުސައިން ޝިހާމް ވ. އިލެކްޝަންސް ކޮމިޝަން) ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިޢާޔަތްކުރާއިރު، ދައުލަތުގެ އިދާރާއަކުން ރެކޯޑެއް ފެންނަން ނެތުމަކީ، އެ ދަރަނި ދައްކައި ޚަލާޞްކޮށްފައިނުވާކަމަށް، އަދި އެ ދަރަނި ސާބިތުވެފައިވާ މީހަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު ގެ 12ވަނަ މާއްދާގެ (ހ) ގެ 7ވަނަ ނަންބަރުގައި ބަޔާންކުރާ، އިންތިޚާބަށް ކުރިމަތިލުމުގެ ޝަރުޠު ފުރިހަމަނުވާ މީހެއްކަމަށް ނިންމިދާނެ ސަބަބެއް ކަމަކަށް މި ޙާލަތުގައި ބެލިދާނެކަމަކަށް ނުފެނެއެވެ.
27HN5މީގެ އިތުރުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 26ވަނަ މާއްދާގެ (ށ) އިން އިންތިޚާބުތަކުގައި އެކިއެކި މަޤާމުތަކަށް ކުރިމަތިލުމުގެ ޙައްޤު ދިވެހި ކޮންމެ ރައްޔިތަކަށްވެސް ލިބިދީފައިވާއިރު، ދައުލަތުގެ އިދާރާއަކުން ލިބެން ނެތް ލިޔުމެއް ހުށަހަޅަން ޖެހުމުގެ ސަބަބުން އިންތިޚާބުތަކުގައި ބައިވެރިވުމުގެ ފުރުސަތު ގެއްލިގެން ދިއުމަކީ، ބުނެވިދިޔަ މާއްދާއިން ލިބިދީފައިވާ ޙައްޤު ހަނިވެގެންދާނެ ކަމެއް ކަމުގައި ދެކެމެވެ.
ނިންމަން ފެންނަ ގޮތް
28މަތީގައި ބަޔާންކުރި ސަބަބުތައް އެހެން ހުރުމުން، ދައުލަތަށް ދައްކަންޖެހޭ ދަރަންޏާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-E/17 (ޙުސައިން ޝިހާމް ވ. އިލެކްޝަންސް ކޮމިޝަން) ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިޢާޔަތްކޮށް، ފާޠިމަތު ސޫޒަންގެ މައްޗަށް ކ. ތުލުސްދޫ ކޯޓުގެ ނަންބަރު 12/H4C/2006 ޤަޟިއްޔާއިން ސާބިތުވެފައިވާ ދަރަންޏަކީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއަށް ލިބެންޖެހޭ ދަރަންޏަކަށްވެފައި، ފައިސާ ހޯދުމަށްޓަކައި ޙުކުމް ތަންފީޛުކުރުމުގެ މައްސަލަ ހުށަހެޅުމާއި، އެއާ ގުޅޭ ރެކޯޑްތައް ބެލެހެއްޓުމަކީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގެ ޒިންމާއެއް ކަމަށްވާއިރު، އެ އިދާރާގައި މި ދަރަންޏާ ގުޅޭ އެއްވެސް ރެކޯޑެއް މިހާރު ނެތުމަކީ ފާޠިމަތު ސޫޒަން އެ ދަރަނި ދައްކައި ޚަލާޞްކޮށްފައިނުވާކަމަށް ނިންމިދާނެ ސަބަބެއް ނޫންކަމަށާއި، ފާޠިމަތު ސޫޒަންއަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު ގެ 12ވަނަ މާއްދާގެ (ހ) ގެ 7ވަނަ ނަންބަރުގައި ބަޔާންކުރާ، އިންތިޚާބަށް ކުރިމަތިލުމުގެ ޝަރުޠު ފުރިހަމަވާ މީހެއްކަމަށް، ކަނޑައަޅަން ފެނެއެވެ.
29HN6މި ނަތީޖާއަށް ވާޞިލުވުމާއެކު، 04 އޭޕްރީލް 2026 ގައި އިލެކްޝަންސް ކޮމިޝަނުން ބާއްވަން ހަމަޖައްސާފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލާފައިވާ ފާޠިމަތު ސޫޒަންގެ ކެންޑިޑޭޓުކަން ޤަބޫލުނުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ، ޞައްޙަ ޤާނޫނީ އަސާސެއްގެ މައްޗަށް ބިނާކޮށްގެން ކަމަށް ނުވާތީ، އެ ނިންމުން ބާޠިލްކުރުމަށާއި، އިލެކްޝަންސް ކޮމިޝަނުން 04 އޭޕްރީލް 2026 ގައި ބާއްވަން ހަމަޖައްސާފައިވާ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026 ގައި ފާޠިމަތު ސޫޒަންގެ ކެންޑިޑޭޓުކަން ޤަބޫލުކުރުމަށް، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު ގެ 21ވަނަ މާއްދާގެ (ބ) އަށް ހަވާލާދީ އެ މާއްދާގެ (ޅ) ގެ ދަށުން އިލެކްޝަންސް ކޮމިޝަނަށް އަމުރުކުރަން ފެނެއެވެ.
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު
30މި މައްސަލައިގައި ފަނޑިޔާރު ޢަބްދުﷲ ޙަމީދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު
31މި މައްސަލައިގައި ފަނޑިޔާރު ޢަބްދުﷲ ޙަމީދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންކުރި ސަބަބުތައް އެހެން ހުރުމުން، 04 އޭޕްރީލް 2026 ގައި އިލެކްޝަންސް ކޮމިޝަނުން ބާއްވަން ހަމަޖައްސާފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލާފައިވާ ފާޠިމަތު ސޫޒަންގެ ކެންޑިޑޭޓުކަން ޤަބޫލުނުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ، ޞައްޙަ ޤާނޫނީ އަސާސެއްގެ މައްޗަށް ބިނާކޮށްގެން ކަމަށް ނުވާތީ، ފާޠިމަތު ސޫޒަންއަކީ ޤާނޫނު ނަންބަރު 10/2020 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12ވަނަ މާއްދާގެ (ހ) ގެ 7ވަނަ ނަންބަރުގައި ބަޔާންކުރާ، އިންތިޚާބަށް ކުރިމަތިލުމުގެ ޝަރުޠު ފުރިހަމަވާ މީހެއްކަމަށާއި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026 ގައި، ކ. ތުލުސްދޫ/ ލަކުސަމީ، ފާޠިމަތު ސޫޒަން () ގެ ކެންޑިޑޭޓުކަން ޤަބޫލުކުރަންޖެހޭކަމަށް، ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 21ވަނަ މާއްދާގެ (ބ) އަށް ހަވާލާދީ އެ މާއްދާގެ (ޅ) ގެ ދަށުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށް، އެ ގޮތުގެ މަތީން ޢަމަލުކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އަމުރުކުރަމެވެ. މި ޤަޟިއްޔާ ބަލައި ޙުކުމްކުރީ: މުޙައްމަރު އިބްރާހީމް ޢަބްދާﷲ ޙަމީދު (ރިޔާސަތު) ޢަލީ ރަޝީދު ޙުސައިން
ފުޓްނޯޓު
- އިލެކްޝަންސް ކޮމިޝަންގެ ނަންބަރު (IUL)-38-AC/38/2026/43
- އިލެކްޝަންސް ކޮމިޝަނުން ދޫކޮށްފައިވާ ކެންޑިޑެސީ ޤަބޫލުނުކުރާކަމުގެ ލިޔުންތައް (19 ޖަނަވަރީ 22،2026 ޖަނަވަރީ 25،2026 ޖަނަވަރީ 27،2026 ޖަނަވަރީ 30،2026 ޖަނަވަރީ 31،2026 ޖަނަވަރީ 01،2026 ފެބްރުވަރީ 2026)
- މި ޤަޟިއްޔާގެ ނަންބަރުގެ ރަނގަޅު ގޮތަކީ 12/HC4/2006 އެވެ.
- ސިޓީގެ ރަނގަޅު ނަންބަރަކީ 13-D1/INDIV/2026/49 އެވެ.
- މި ޤަޟިއްޔާގެ ނަންބަރުގެ ރަނގަޅު ގޮތަކީ 12/HC4/2006 އެވެ.
- އިލެކްޝަންސް ކޮމިޝަނުން ދޫކޮށްފައިވާ ކެންޑިޑެސީ ޤަބޫލުނުކުރާކަމުގެ ލިޔުން (01 ފެބްރުވަރީ 2026)
- ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ނަންބަރު CRR/198/048461/2025 "ކުށުގެ ތަފްސީލީ ރިޕޯޓް"
- އޮވެއެވެ. އަދި ވޭތުވެދިޔަ 5 (ފަހެއް) އަހަރު ދުވަހަށް ސާފުކޮށްފައިވާ ކުށާއި ދަރަނީގެ ރެކޯޑަށް
- ސަރުކާރުގައި ރަޖިސްޓަރީ ކޮށްފައި ހުންނަ މީހުންގެ އަމިއްލަ ތަކެތި ދީ ނުވަތަ ވިއްކުމާބެހޭ ޤާނޫނު
- މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވުޒާރާގެ ނަންބަރު 13-D1/INDIV/2026/45 "އަމިއްލަ މީހުން ހުށަހަޅާ ކަންކަމަށް ދޭ ޖަވާބު"
- މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވުޒާރާގެ ނަންބަރު 13-D1/INDIV/2026/49 "އަމިއްލަ މީހުން ހުށަހަޅާ ކަންކަމަށް ދޭ ޖަވާބު"
- ޤާނޫނު ނަންބަރު 10/2010
- އ.ބ.މ
- އ.ބ.މ 10
- ފާޠިމަތު ސޫޒަންގެ ނަމުގައި މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވުޒާރާއަށް ފޮނުވާފައިވާ ސިޓީ (03 ފެބްރުވަރީ 2026)
- އ.ބ.މ 15
- އ.ބ.މ 15
- ޤާނޫނު ނަންބަރު 11/2008
- މި އަކުރުގައި ބަޔާންކުރަނީ، އިންތިޚާބަށް ކުރިމަތިލުމަށް އެދޭމީހާގެ ހުށަހެޅުން ޤަބޫލު ނުކުރުމަށް އިލެކްޝަންސް ކޮމިޝަނުން އެންގި ސަބަބާމެދު އެމީހަކު ހިތްހަމަނުޖެހޭނަމަ، އަދި އެ ސަބަބަކީ އެ އިންތިޚާބަށް އެމީހަކު ކުރިމަތިލުމަށްޓަކައި ފުރިހަމަވާންޖެހޭ ޝަރުޠު ފުރިހަމަނުވާކަމަށް ނިންމާފައިވާ ނިންމުމެއްކަމުގައިވާނަމަ، އެ މައްސަލައެއް ސުޕްރީމް ކޯޓަށް އަދި އެނޫންކަމަކާ ގުޅޭގޮތުން ނިންމާފައިވާ ނިންމުމެއްކަމުގައިވާނަމަ އެ މައްސަލައެއް ހައިކޯޓަށް ހުށަހެޅުމުގެ އިޚްތިޔާރު އެމީހަކަށް ލިބިގެންވާ ކަމަށެވެ.
- މި އަކުރުގައި ބަޔާންކުރަނީ، މި މާއްދާގެ (ބ) ގެ ދަށުން ސުޕްރީމް ކޯޓަށް ނުވަތަ ހައިކޯޓަށް ހުށަހަޅާ މައްސަލައެއް، މި މާއްދާގެ (ހ) ގެ ދަށުން ކެންޑިޑެސީ ބަލައިގަތުމާމެދު ގޮތެއް ނިންމުމަށް އިލެކްޝަންސް ކޮމިޝަނަށް ލިބޭ 48 ގަޑިއިރު ހަމަވާ ވަގުތުން ފެށިގެން ގިނަވެގެން 5 ދުވަހުގެ ތެރޭގައި އިންތިޚާބަށް ކުރިމަތިލުމަށް އެދޭމީހާ އެ މައްސަލައެއް ކޯޓަށް ހުށަހަޅަންވާނެ ކަމަށެވެ. އަދި އެ މައްސަލައެއް ކޯޓަށް ހުށަހަޅާތާ ގިނަވެގެން 7 ދުވަހުގެ (ހަތް ދުވަހުގެ) ތެރޭގައި ކޯޓުން އެ މައްސަލައަކާމެދު ގޮތެއް ނިންމަންވާނެ ކަމަށެވެ.
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ށ)
- ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގެ (7)
- ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 21 ވަނަ މާއްދާގެ (ބ) އާއި (ޅ)
- ޙުސައިން ޝިހާމް ވ. އިލެކްޝަންސް ކޮމިޝަން (2012/SC-E/17)
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.