ޝަމީމް ޢަބްދުﷲ އަބޫބަކުރު ވ. ވަޙީދު އިސްމާޢިލް
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
2018/SC-A/30
ޝަރީޢަތް ނިމުނުގޮތް
ޝަމީމް ޢަބްދުﷲ އަބޫބަކުރު ވ. ވަޙީދު އިސްމާޢީލް
ފަނޑިޔާރުންގެ މަޖިލިސް
އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުފަނޑިޔާރު ޙުސްނުއް ސުޢޫދުނިމުނު ތާރީޚު
24 ޖޫން 2021އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ
2015/HC-A/79
އިސްތިއުނާފު ރައްދުވާ ފަރާތް
އިސްތިއުނާފުކުރާ ފަރާތް
ވަޙީދު އިސްމާޢީލް، މީރުބަހުރުއާގެ، ގދ. ރަތަފަންދޫޝަމީމް ޢަބްދުﷲ ޢަބޫބަކުރު، ދަފްތަރު. ނަންބަރު ރސ 1235، މާލެޤާނޫނީ ވަކީލު: ޢަބްދުﷲ ޙަސީން، ދަފްތަރު. ނަންބަރު ރސ 4059 ޤާނޫނީ ވަކީލު: އަޙްމަދު ފާއިޒު، ރޯޝަނީވިލާ،
ގދ. ރަތަފަންދޫ
މަދަނީ – ފައިސާ ހޯދުން – ބަދަލު ނަގައިދިނުން – ޕްރޮމިސަރީ އެސްޓޮޕަލް – ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) އަދި 23 ވަނަ މާއްދާގެ (ހ) – ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ)
ޝަމީމް ޢަބްދުﷲ އަބޫބަކުރު ވ. ވަޙީދު އިސްމާޢީލް
އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔު (ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު އަދި ފަނޑިޔާރު ޙުސްނުއްސުޢޫދު ތާއީދު ކުރައްވާފައި)
ތަޢާރުފު
މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/79 ޤަޟިއްޔާ ނިންމާފައިވާގޮތް ރަނގަޅުނޫން ކަމަށް ބުނެ، ދަފްތަރު. ނަންބަރު ރސ 1235، މާލެ، ޝަމީމް ޢަބްދުﷲ އަބޫބަކުރު، (އައިޑީކާޑް ނަންބަރު، (މީގެ ފަހުން: 'ޝަމީމް ޢަބްދުﷲ އަބޫބަކުރު' ނުވަތަ 'އިސްތިއުނާފު ކުރާ ފަރާތް') ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/79 ޤަޟިއްޔާ އިސްތިއުނާފުކުރުމުން އެ މައްސަލަ ބެލި ޤަޟިއްޔާއެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ، ގދ. ރަތަފަންދޫ، މީރުބަހުރުއާގެ، ވަޙީދު އިސްމާޢީލް، (އައިޑީކާޑް ނަންބަރު، (މީގެ ފަހުން: 'ވަޙީދު އިސްމާޢީލް' ނުވަތަ 'އިސްތިއުނާފު ރައްދުވާ ފަރާތް') އެވެ.
މައްސަލައިގައި ކަންހިނގާފައިވާ ގޮތް
ޝަމީމް ޢަބްދުﷲ އަބޫބަކުރުގެ އަމިއްލަ ފައިސާއިން ޕިކަޕެއް ގަތުމަށްފަހު، ވަޙީދު އިސްމާޢީލް އާ އެކު 12 ޖަނަވަރީ 2008 ގައި، އެ ޕިކަޕް ދުއްވުމުގެ އެއްބަސްވުމެއް ހަދާފައިވެއެވެ. މި އެއްބަސްވުމުގެ 1 ވަނަ މާއްދާގައި، ޝަމީމް ޢަބްދުﷲ އަބޫބަކުރު ޕިކަޕެއް ގަނެ ވަޙީދު އިސްމާޢީލްއާ ޙަވާލުކުރާ ދުވަހުން ފެށިގެން މި އެއްބަސްވުމުގައި ބަޔާންކުރާގޮތުގެ މަތިން އެ ޕިކަޕް ދުއްވައިދިނުމަށް އެއްބަސްވެފައިވެއެވެ. ޕިކަޕް ދުއްވައިގެން ކޮންމެ ދުވަހަކަށް 300.00ރ. (ތިންސަތޭކަ ރުފިޔާ) ޝަމީމް ޢަބްދުﷲ އަބޫބަކުރުއަށް ދޭގޮތަށް، ވަޙީދު އިސްމާޢީލް ވަނީ އެއްބަސްވެފައެވެ. ޕިކަޕް ދުއްވައިދިނުމަށް އެއްބަސްވެފައިވާ މުއްދަތަކީ ޕިކަޕް ޙަވާލުކުރާ ދުވަހުން ފެށިގެން 3 (ތިނެއް) އަހަރު ދުވަހެވެ. އަދި މި މުއްދަތުގައި ޕިކަޕް ދުއްވުމަށް ބޭނުންވާ ހުރިހާ ތެލެއް ޕިކަޕަށް އެޅުމާއި ޕިކަޕް މަރާމާތުކޮށް ބެލެހެއްޓުމަކީ ވަޙީދު އިސްމާޢީލްގެ ކަމެއް ކަމަށާއި، އެއްބަސްވުމުގެ މުއްދަތުގައި އެކްސިޑެންޓެއްގެ ސަބަބުންވިޔަސް އަދި އެނޫން ގޮތަކުންވިޔަސް ޕިކަޕަށް ލިބޭ ކޮންމެ ގެއްލުމެއްވެސް ވަޙީދު އިސްމާޢީލް މަރާމާތު ކުރަންވާނެ ކަމަށާއި ޕިކަޕް އޮންނާނީ ރަނިންގ ކޮންޑިޝަނުގައި ކަމަށާއި މިއިން އެއްވެސްކަމެއް ވަޙީދު އިސްމާޢީލް ނުކޮށް އޮތުގެ ސަބަބުން ޕިކަޕް ނުދުވެ އޮވެއްޖެނަމަ އެކަމުގެ ޒިންމާ ވަޙީދު އިސްމާޢީލް ނަގަންވާނެ ކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވެއެވެ.
ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާކަމަށް ބުނެ ޝަމީމް ޢަބްދުﷲ އަބޫބަކުރުގެ ފަރާތުން ވަޙީދު އިސްމާޢީލަށް، 06 ޑިސެންބަރު 2010 ގައި، ސިޓީއެއް ފޮނުވާފައިވެއެވެ. މި ސިޓީގައި ބުނަނީ އެއްބަސްވުމުގައި ސޮއިކުރި ދުވަހުން ފެށިގެން އެއްމަސްދުވަސް ވަންދެން ފައިސާ ދައްކަމުން ދިޔަނަމަވެސް، އޭގެ ފަހުން 02 ސެޕްޓެންބަރާ ހަމައަށް ފައިސާ ދައްކަމުން އައީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކަށް 150.00ރ. (ސަތޭކަ ފަންސާސް ރުފިޔާ) ކަމަށާއި، އަދި 150.00ރ. (ސަތޭކަ ފަންސާސް ރުފިޔާ) ގެ މަގުން ފައިސާ ދައްކަމުން ދިޔަ މުއްދަތުގައި އިތުރަށް ދޭންޖެހޭ ފައިސާ ދޭނެކަމަށް ވަޙީދު އިސްމާޢީލް ބުނި ނަމަވެސް، ފަހުން އެ ފައިސާ ދީފައިނުވާކަމަށެވެ.
2010 ސެޕްޓެންބަރު 04 ވަނަ ދުވަހުން ފެށިގެން ޕިކަޕްގެ "ތަޅުދަނޑި އެއްލާލާފައި" ވަޙީދު އިސްމާޢީލް ދިޔަދިޔުމުން، މިއަދާ (06 ޑިސެންބަރު 2010) ހަމަޔަށްވެސް ޕިކަޕްވަނީ ނުދުއްވާ ބޭއްވިފައިކަމަށާއި ޕިކަޕް ދުއްވި ދުވަސްތަކުގައި ޕިކަޕަށް ލިބިފައިވާ އެއްވެސް ގެއްލުމެއް ވަޙީދު އިސްމާޢީލްގެ ފަރާތުން މަރާމާތު ކޮށްފައިނުވާކަމަށާއި، އެ ގޮތުން ޕިކަޕްގެ ބޮޑީގެ އެކިތަންތަން ބަނޑިވެފައި ހުރުމާއި، ކުރީކޮޅު ބޮނެޓާއި ބަފަރު އަދި ރޭޑިއޭޓަރު ހަލާކުވުމުގެ އިތުރަށް އެއަރކޯނާއި އެލާމްސިސްޓަމާއި ސިގްނަލްވަނީ އެއްކޮށް ހަލާކުވެފައިކަމަށާއި ލިބިފައިވާ ގެއްލުންތައް މަރާމާތުކުރުމަށް އެންގުމުން ފިކަޕް ދޫކޮށްލާފައި ދިޔައިރު، ޕިކަޕް ދުއްވުމަށް ޙަވާލުކުރިއިރު ޕިކަޕްގައި އަޅުވާފައިވާ މެއިންޓަނަންސް ފްރީ ބެޓަރީގެ ބަދަލުގައި އާދައިގެ ބެޓަރީ އެއް އަޅުވާފައިވާކަމަށް ޝަމީމް ޢަބްދުﷲ އަބޫބަކުރު ބުނެއެވެ.
އެއްބަސްވުމާ އެއްގޮތަށް ކޮންމެ ދުވަހަކު ދޭންޖެހޭ ފައިސާ ދީފައިނުވާތީ އަދި އެއްބަސްވުމުގެ ދަށުން ވަޙީދު އިސްމާޢިލް ޕިކަޕް މަރާމާތަށް ޚަރަދުކުރުމަށް ލާޒިމުކުރާއިރު އެ ޚަރަދުތައް ކޮށްފައިނުވުމުން މި މުޢާމަލާތުގެ ސަބަބުން ޝަމީމް ޢަބްދުﷲ އަބޫބަކުރުއަށް އެކިގޮތްގޮތަށް ލިބިފައިވާ މާލީ ގެއްލުމުގެ ނިސްބަތަށްޖެހޭ ޖުމްލަ 232,780.00ރ. (ދެލައްކަ ތިރީސް ދެހާސް ހަތްސަތޭކަ އަށްޑިހަ ރުފިޔާ) އަކީ ލިބިފައިވާ ގެއްލުމުގެ ބަދަލުކަމަށް ކަނޑައަޅައިދިނުމަށާއި، މި ފައިސާ ހޯދުމަށް އެދި ޝަމީމް ޢަބްދުﷲ އަބޫބަކުރުގެ ފަރާތުން ވަޙީދު އިސްމާޢިލްގެ މައްޗަށް ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ.
ސިވިލް ކޯޓުން ނިންމި ގޮތް
ސިވިލް ކޯޓުގެ ނަންބަރު 809/Cv-C/2011 ޤަޟިއްޔާއިން ނިންމާފައިވަނީ، ހުށަހެޅުނު ވާޤިޢާތަކަށާއި، ލިޔުންތަކުގެ މައްޗަށް ރިޢާޔަތްކުރުމުން މި އެއްބަސްވުމަކީ ޞައްޙަ އެއްބަސްވުމެއްކަން މަދަނީ މިންގަނޑުން ސާބިތުވާކަމަށެވެ. އަދި މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން ނުދައްކާވާ 150.00ރ. (ސަތޭކަ ފަންސާސް ރުފިޔާ) އާއި، ކޮންމެ ހުކުރު ދުވަހަކަށް ދައްކަންޖެހި ނުދައްކާވާ 300.00ރ. (ތިންސަތޭކަ ރުފިޔާ) އަކީ ޝަމީމް ޢަބްދުﷲ އަބޫބަކުރު މަޢާފުކޮށްދީފައިވާ ފައިސާއަކަށްނުވާތީ، މި ފައިސާއަކީ، ޝަމީމް ޢަބްދުﷲ އަބޫބަކުރުއަށް ލިބެންޖެހޭ ފައިސާއެއްކަމާއި، އެއްބަސްވުން 06 ޑިސެންބަރު 2010 ގެ ކުރިން ނިމުމަކަށް ގެނެވިފައިވާކަން ވަޙީދު އިސްމާޢީލްއަށް ސާބިތުކޮށްދެވިފައިނުވާތީ، މި އެއްބަސްވުން ނިމުމަކަށް އައިސްފައިވަނީ 06 ޑިސެންބަރު 2010 ގައި ކަމަށް ޝަރީޢަތަށް ބުރަވެވޭކަމަށެވެ. ފެބުރުވަރީ 2008 އިން ފެށިގެން 02 ސެޕްޓެންބަރު 2010 އާ ހަމައަށް ހުކުރު ދުވަސްތައް ނުހިމަނައި ހިނގާފައިވާ އެކު ޖުމްލަ 821 (އަށްސަތޭކަ އެކާވީސް) ދުވަހަށް ކޮންމެ ދުވަހަކަށް ދައްކަން ޖެހޭ ފައިސާގެ ތެރެއިން 150.00ރ. (ސަތޭކަ ފަންސާސް ރުފިޔާ) މަދުން ދައްކާފައިވާތީ، މި ދުވަސްތަކަށް ދައްކަންޖެހޭ 123,150.00ރ. (އެއްލައްކަ ތޭވީސްހާސް އެއްސަތޭކަ ފަންސާސް ރުފިޔާ) އާއި، މި މުއްދަތުގައި ހިންގާފައިވާ ހުކުރު ދުވަސްތަކުގައި އެއްވެސް ފައިސާއެއް ދައްކާފައިނުވާތީ، ފައިސާ ދައްކާފައިނުވާ 124 (ސަތޭކަ ސައުވީސް) ހުކުރު ދުވަހަށް ދުވާލަކަށް ދައްކަންޖެހޭ 300.00ރ. (ތިންސަތޭކަ ރުފިޔާ) ގެ މަގުން މިދުވަސްތަކަށް ދައްކަންޖެހޭ 37,200.00ރ. (ތިރީސްހަތް ހާސް ދުއިސައްތަ ރުފިޔާ) އާއި 02 ސެޕްޓެންބަރު 2010 އިން ފެށިގެން 06 ޑިސެންބަރު 2010 އާ ހަމައަށް ދުވާލަކަށް 300.00ރ. (ތިންސަތޭކަ ރުފިޔާ) ގެ މަގުން ހިސާބުކުރުމުން މި ދުވަސްތަކަށް ދައްކަންޖެހޭ 28,200.00ރ. (އަށާވީސްހާސް ދުއިސައްތަ ރުފިޔާ) އާއެކު، ޕިކަޕްގެ ކުލީގެ ގޮތުގައި އެކުޖުމްލަ 188,550.00ރ. (އެއްލައްކަ އަށްޑިހަ އަށްހާސް ފަސްސަތޭކަ ފަންސާސް ރުފިޔާ) ޝަމީމް ޢަބްދުﷲ އަބޫބަކުރުއަށް ވަޙީދު އިސްމާޢީލް ދައްކަންޖެހޭ ކަމަށެވެ. އަދި ޝަމީމް ޢަބްދުﷲ އަބޫބަކުރުގެ ބެލުމުގެ ދަށަށް މި ޕިކަޕް ގެނެވުނުއިރު، މި ޕިކަޕަށް ގެއްލުން ލިބިފައިވާކަމާއި، މި ޕިކަޕްގައި ބަނޑިވެފައިވާ ތަންތަން މަރާމާތުކުރުމަށް 12,000.00ރ. (ބާރަހާސް ރުފިޔާ) ޚަރަދުވާނެކަމާއި، މި ޕިކަޕްގެ އެއަރކޯންގެ މަސައްކަތަށް 7,550.00ރ. (ހަތްހާސް ފަސްސަތޭކަ ފަންސާސް ރުފިޔާ) ޚަރަދުވާނެތީވެ، މި ގެއްލުމަކީ ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ވަޙީދު އިސްމާޢީލް ޒިންމާވާންޖެހޭ ގެއްލުންތަކެއް ކަމަށްވާތީ، މި ފައިސާއަކީ ގެއްލުމުގެ ބަދަލުގެ ގޮތުގައި ޝަމީމް ޢަބްދުﷲ އަބޫބަކުރުއަށް ވަޙީދު އިސްމާޢީލް ދައްކަންޖެހޭ ފައިސާއެއްކަމާއި، ނަމަވެސް ރާއްޖެއިން ބޭރުން ތަކެތި ގެނައުމަށްޓަކައި 24,680.00ރ. (ސައުވީސްހާސް ހަސަތޭކަ އަށްޑިހަ ރުފިޔާ) ގެ ޚަރަދެއް ހޯދުމަށް ޝަމީމް ޢަބްދުﷲ އަބޫބަކުރު އެދިފައިވިޔަސް އެ ޢަދަދު ހިމެނިފައިވާ ނައިރާ އެންޖިނިއަރިންގ ވޯރކްސްގެ އެސްޓިމޭޓަކީ މި ޕިކަޕްގައި ބަނޑިވެފައިވާ ތަންތަން މަރާމާތުކުރުމަށް އެސްޓިމޭޓްކޮށްފައިވާ 18,000.00ރ. (އަށާރަހާސް ރުފިޔާ) އާއި އެވަރޕަރޭޓަރގެ މަސައްކަތާއި، ގޭސް ފިލްކުރުމުގެ މަސައްކަތަށް އެސްޓިމޭޓް ކޮށްފައިވާ 6,680.00ރ. (ހަހާސް ހަސަތޭކަ އަށްޑިހަ ރުފިޔާ) ގެ އަގުގެ މައްޗަށް ހިސާބު ކުރެވިފައިވާ ޢަދަދެއްކަމަށް ޝަރީޢަތަށް ބުރަވެވޭ ކަމަށެވެ. އަދި އެ އެސްޓިމޭޓުގައި ރާއްޖެއިން ލިބެން ނެތްތަކެތި ބަޔާންކުރުމަށްފަހު، އެތަކެތީގެ އަގު ފަހުން ދެވޭނެކަމަށް ލިޔެފައިވުމުން، އެތަކެތީގެ އަގު މި މައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކުން ދެނެގަނެވެން ނެތްކަމަށްޓަކައި ޝަމީމް ޢަބްދުﷲ އަބޫބަކުރު ނަގައިދިނުމަށް އެދިފައިވާ 24,680ރ. (ސައުވީސްހާސް ހަސަތޭކަ އަށްޑިހަ ރުފިޔާ) މި ޙާލަތުގައި ނަގައިދެވެން ނެތްކަމަށެވެ. އަދި މި މައްސަލައިގައި ސާބިތުވެފައިވާ އެކުޖުމްލަ 208,100.00ރ. (ދެލައްކަ އަށްހާސް އެއްސަތޭކަ ރުފިޔާ) ޝަމީމް ޢަބްދުﷲ އަބޫބަކުރުއަށް ލިބިދިނުމަށްޓަކައި މި ފައިސާ 22 މޭ 2014 އިންފެށިގެން ކޮންމެ މަހަކު މަދުވެގެން އެ މަހަކަށް ޖެހޭ މިންވަރު ސިވިލް ކޯޓަށް ދައްކަމުންގޮސް މި ފައިސާ އެކުޖުމްލަ 06 (ހައެއް) މަސްދުވަހުގެ ތެރޭގައި އެއްކޮށް ދައްކައި ޚަލާސްކުރުމަށް ވަޙީދު އިސްމާޢީލްއަށް އަންގައި ޙުކުމްކޮށެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމި ގޮތް
ސިވިލް ކޯޓުގެ ނަންބަރު 809/Cv-C/2011 ޤަޟިއްޔާ ނިންމާފައިވާ ގޮތާމެދު ވަޙީދު އިސްމާޢީލް ހިތްހަމަނުޖެހޭތީވެ އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގައި ވަޙީދު އިސްމާޢީލްގެ ފަރާތުން ދެ ނުކުތާއެއް ފާހަގަކޮށްފައިވެއެވެ.
ފުރަތަމަ އިސްތިއުނާފީ ނުކުތާއަކީ: ވަޙީދު އިސްމާޢީލް އާއި ޝަމީމް ޢަބްދުﷲ އަބޫބަކުރު އާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން، ޝަމީމް ޢަބްދުﷲ އަބޫބަކުރު އާ ފައިސާ ޙަވާލުކުރިކަމުގެ އެއްވެސް ލިޔުމަކަށް ޝަރީޢަތުން ރިޢާޔަތްކުރެއްވުމެއްނެތި މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
ދެވަނަ އިސްތިއުނާފީ ނުކުތާއަކީ: ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގައި ކޮންޓްރެކްޓްގެ އެއްބައިވެރިޔަކު އަނެއްބައިވެރިޔަކަށް ދުލެއް ނުވަތަ ލުޔެއް ދެވިދާނެކަމަށް އޮންނަހިނދު، މިފަދަ ލުޔެއް ޝަމީމް ޢަބްދުﷲ އަބޫބަކުރު، ވަޙީދު އިސްމާއީލް އަށް ދީފައި އޮންނަކަން ހުށަހެޅިފައިވާ ލިޔުންތަކުން އެނގެންއޮތްހިނދު، އެ ކަމަށް ރިޢާޔަތްނުކުރައްވާ މައްސަލަ ނިންމަވާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާ.
ވަޙީދު އިސްމާޢީލްގެ ފަރާތުން އިސްތިއުނާފުކުރުމުން، ހައިކޯޓުގެ ފަރާތުން އެ މައްސަލަ ބައްލަވާފައިވަނީ އެ ކޯޓުގެ ނަންބަރު 2015/HC-A/79 ޤަޟިއްޔާ އިންނެވެ. ހައިކޯޓުން ވަނީ ސިވިލް ކޯޓުގެ ޤަޟިއްޔާގައި ޝަމީމް ޢަބްދުﷲ އަބޫބަކުރުއާއި ވަޙީދު އިސްމާޢީލްއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ވަޙީދު އިސްމާޢީލްގެ ފަރާތުން ޝަމީމް ޢަބްދުﷲ އަބޫބަކުރުއަށް 208,100.00ރ. (ދެލައްކަ އަށްހާސް އެއްސަތޭކަ ރުފިޔާ) ދައްކަންޖެހޭކަމަށް ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމް ބާޠިލުކޮށް އެއްބަސްވުމާ ގުޅިގެން ވަޙީދު އިސްމާޢީލްގެ ފަރާތުން ދޭންޖެހޭ ފައިސާގެ މިންވަރަކީ 18,900.00ރ. (އަށާރަހާސް ނުވަސަތޭކަ ރުފިޔާ) ކަމަށް ކަނޑައަޅައި ޙުކުމްކޮށްފައެވެ. ސިވިލް ކޯޓުގެ ނަންބަރު 809/Cv-C/2011 ޤަޟިއްޔާގެ ޙުކުމް ބާޠިލްކުރަމުން ހައިކޯޓުން ކަނޑައެޅި ކަންކަމަކީ؛
(ހ) ދަޢުވާކުރާ ފަރާތާއި ދަޢުވާލިބޭ ފަރާތާ ދެމެދު 01 ޖަނަވަރީ 2008 ވަނަ ދުވަހު ވެފައިވާ ޕިކަޕް ދުއްވުމުގެ އެއްބަސްވުމުގެ 5 ވަނަ މާއްދާގެ ދަށުން 3 އަހަރު ދުވަހުގެ މުއްދަތަށް ދުވާލަކަށް 300ރ. (ތިންސަތޭކަ ރުފިޔާ) އަށް ޕިކަޕް ދުއްވުމަށް އެއްބަސްވެފައިވާކަމަށާއި، އެއްބަސްވުމުގެ ދަށުން މި މުއްދަތުގައި ޕިކަޕާ ގުޅޭ ހުރިހާ ޒިންމާއެއް ނަގަންޖެހޭ ފަރާތަކީ ވަޙީދު އިސްމާޢީލްކަން؛
(ށ) އެއްބަސްވުމާ އެއްގޮތްވާގޮތުގެ މަތިން ޢަމަލުކޮށްފައިނުވާކަމަށް ބުނެ ޝަމީމް ޢަބްދުﷲ އަބޫބަކުރުގެ ފަރާތުން 06 ޑިސެންބަރު 2010 ގައި ސިޓީ ފޮނުވާފައިވާކަމަށާއި، އެ ސިޓީގައި އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކާފައިވަނީ 02 ސެޕްޓެންބަރު އާ ހަމައަށް ކަމަށާއި، އޭގެ ފަހުން ކޮންމެ ދުވަހަކަށް 150/-ރ. (ސަތޭކަ ފަންސާސް ރުފިޔާ) ބާކީ ފައިސާ ފަހުން ދޭނެކަމަށް ބުނި ނަމަވެސް އެ ފައިސާ ދީފައި ނުވާކަން.
(ނ) 04 ސެޕްޓެންބަރު 2010 ފެށިގެން ތަޅުދަނޑި އެއްލާލާފައި ދިޔަދިޔުމުން، އެ ސިޓީ ލިޔުނު ދުވަހާހަމައަށްވެސް ޕިކަޕް ނުދުއްވާ ބޭއްވިފައިވާކަމަށާއި، ޕިކަޕް ދުއްވި ދުވަސްތަކުގައިވެސް ޕިކަޕް މަރާތު ކޮށްފައިނުވާކަމަށާއި، ޕިކަޕަށް ގެއްލުންވެފައިވާކަމަށް ބުނެފައިވާކަމާއި ދައްކަންޖެހި ނުދައްކާވާ ކުލީގެ ފައިސާގެ މިންވަރަކީ 18,900/-ރ. (އަށާރަހާސް ނުވަސަތޭކަ ރުފިޔާ) ކަން އެނގޭކަން؛
(ރ) ޝަމީމް ޢަބްދުﷲ އަބޫބަކުރުއާ ޕިކަޕް ޙަވާލުކުރެވުނުއިރު ޕިކަޕަށް ލިބުނު ގެއްލުން މަރާމާތުކުރުމަށް ފައިސާ ޚަރަދުކުރެވުނުކަން އެނގޭނެ އެއްވެސް ލިޔެކިޔުމެއް އިސްތިއުނާފުކުރެވޭ ޤަޟިއްޔާގައި ހުށަހެޅިފައި ނުވާތީ، ފައިސާ ޚަރަދުކޮށްފައިވާނަމަ އެފަދަ ލިޔުމެއް ހުށަހެޅުމަށް ހައިކޯޓުން ފުރުޞަތު ދެވުނުކަމަށާއި، އެހެންނަމަވެސް އެފަދަ ލިޔުމެއް ހުށަހަޅާފައިނުވާކަމާއި، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ޝަމީމް ޢަބްދުﷲ އަބޫބަކުރުއަށް ދައްކަންޖެހޭ ކުލި ދައްކަންޖެހޭނީ ފެބުރުވަރީ 2008 ން ފެށިގެން 04 ސެޕްޓެންބަރު 2010 އާ ހަމައަށްކަމަށާއި އެގޮތުން ފެބުރުވަރީ 2008 ން ފެށިގެން 02 ސެޕްޓެންބަރު 2010 އާ ހަމައަށް ދުވާލަކަށް 150/-ރ. (ސަތޭކަ ފަންސާސް ރުފިޔާ) ދައްކާފައިވާކަން އެނގޭކަމަށާއި، މި މުއްދަތުގައި ހިނގާފައިވާ ހުކުރު ދުވަސްތަކަށް އެއްވެސް ފައިސާއެއް ވަޙީދު އިސްމާޢީލްގެ ފަރާތުން ދައްކާފައިނުވާތީ، ފައިސާ ދައްކާފައިނުވާ 124 (ސަތޭކަ ސައުވީސް) ހުކުރު ދުވަހަށް 150/-ރ. (ސަތޭކަ ފަންސާސް ރުފިޔާ) ގެ މަގުން ހިސާބުކުރުމުން 18,600/-ރ. (އަށާރަހާސް ހަސަތޭކަ ރުފިޔާ) އާއި، ޕިކަޕް މަރާމާތުކުރުމަށް 12,000/-ރ. (ބާރަހާސް ރުފިޔާ) އާއި ޕިކަޕްގެ އެއަރކޯން މަސައްކަތަށް 7550/-ރ. (ހަތްހާސް ފަސްސަތޭކަ ފަންސާސް ރުފިޔާ) ނަގާފައިވާއިރު ޝަމީމް ޢަބްދުﷲ އަބޫބަކުރުގެ ފަރާތުން އެ ފައިސާ ޚަރަދުކުރިކަން އެނގޭނެ ލިޔެކިޔުމެއް ހުށަހަޅާފައިނުވާކަން އެނގެން އޮތުމުން ސިވިލް ކޯޓުގެ ޤަޟިއްޔާގައި އެ އަދަދު ނަގައިދިނުމަށް ކަނޑައަޅާފައިވަނީ ޝަރުޢީ / ޤާނޫނީ އުޞޫލާ ޚިލާފަށްކަން؛ މިއެވެ.
ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވުނު ނުކުތާތަކާއި އެ ނުކުތާތަކަށް ދީފައިވާ ރައްދު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/79 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި އިސްތިއުނާފު ކުރާ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް 02 ނުކުތާއެއް ހުށަހަޅާފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/79 ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގައި ކޮންޓްރެކްޓެއްގެ އެއްބައިވެރިޔަކު އަނެއްބައިވެރިޔަކަށް ލުޔެއް ދެވިދާނެކަމަށް ބަޔާންކޮށްފައި އޮތްއޮތުން މި މައްސަލައިގައި ތަޠުބީޤުކުރުމުގައި މައްސަލާގައި ހުށަހެޅިފައިވާ އެންމެހައި ލިޔެކިޔުންތަކަށް ރިޢާޔަތްކޮށްފައިނުވުމާއި، އިސްވެ ބަޔާންކުރެވުނު ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނު ގެ 20 ވަނަ މާއްދާ މާނަކުރުމުގައި މި މައްސަލައިގައި ހިމެނޭ ޝަމީމް ޢަބްދުﷲ އަބޫބަކުރުގެ މަސްލަޙަތު ގެއްލޭ ގޮތަށް މާނަކޮށްފައިވުން ކަމަށް ބުނެ ހުށަހެޅި ނުކުތާ.
ދެވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/79 ޤަޟިއްޔާގައި "ޝަމީމް ޢަބްދުﷲ އަބޫބަކުރުއަށް ގެއްލުން ލިބިފައިވީނަމަވެސް އެ ގެއްލުމަށް ޝަމީމް ޢަބްދުﷲ އަބޫބަކުރުގެ ފަރާތުން ޚަރަދު ކޮށްފައިވާކަން އެނގެން ނެތުމުން" ގެއްލުމުގެ ބަދަލުގެ ގޮތުގައި ފައިސާ ނަގައިދެވެން ނެތްކަމުގައި ބަޔާންކޮށްފައިވަނީ ޤާނޫނީ އެއްވެސް އުޞޫލެއްގެ ދަށުން ނޫންކަމަށާއި، އަދި ގެއްލުމުގެ ބަދަލު ނަގައި ދީފައިވަނީ ކަނޑައެޅިފައިވާ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ.
އިސްތިއުނާފު ކުރާ ފަރާތުން ހުށަހެޅި ނުކުތާތަކުގެ ރައްދުގައި އިސްތިއުނާފު ރައްދުވާ ފަރާތުން މައިގަނޑު ގޮތެއްގައި އަންނަނިވި ކަންކަން ފާހަގަކުރިއެވެ.
ވަޙީދު އިސްމާޢީލްގެ ފަރާތުން ފައިސާ ދައްކާފައިވަނީ އެއްބަސްވުމުގައި ސޮއިކުރި ދުވަހުން ފެށިގެން 30 ދުވަސްވަންދެން އެ މުއްދަތުގައި އައި ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކަށް ދުވާލަކަށް 300/-ރ. (ތިންސަތޭކަ ރުފިޔާ) ކަމާއި އޭގެ ފަހުން 02 ސެޕްޓެންބަރު 2010 އާ ހަމައަށް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކަށް 150/-ރ. (ސަތޭކަ ފަންސާސް ރުފިޔާ) ކަމާއި އޭގެ އިތުރަށް އެއްވެސް ފައިސާއެއް ނުދައްކާކަމަށް ވަޙީދު އިސްމާޢީލްގެ ފަރާތުން ބުނެފައިވާކަމާއި، އަދި މިކަމަށް ޝަމީމް ޢަބްދުﷲ އަބޫބަކުރުގެ ފަރާތުން އިންކާރު ނުކުރާކަން.
އެއްބަސްވުމުގައި ސޮއިކުރެވުނު ދުވަހުން ފެށިގެން ފުރަތަމަ 30 ދުވަސް ފިޔަވައި ފަހުން ފައިސާ ދައްކަމުން އައީ ހުކުރު ދުވަސް ފިޔަވައި ދުވާލަކަށް 150/-ރ. (ސަތޭކަ ފަންސާސް ރުފިޔާ) ކަމާއި މި އަދަދަށް ފައިސާ ދިނުމުން އެ ޢަދަދު ޝަމީމް ޢަބްދުﷲ އަބޫބަކުރުގެ ފަރާތުން ބަލައިގަންނަމުން އައިސްފައިވާކަން އެނގެން އޮންނައިރު، އެކަމުގައި އެއްވެސް ޝަކުވާއެއް ޝަމީމް ޢަބްދުﷲ އަބޫބަކުރުގެ ފަރާތުން ކުރަމުން ގޮސްފައިވާކަން އެނގެން ނެތްކަމާއި، މިހެންކަމުން އެއްބަސްވުމުގައި ކުލީގެ ގޮތުގައި ބަޔާންކޮށްފައިވާ އަދަދު ނޫން އެހެން އަދަދެއް އެއް އަހަރަށްވުރެ ގިނަ ދުވަސް ވަންދެން އެއްވެސް އިންކާރުކުރުމެއްނެތި ޝަމީމް ޢަބްދުﷲ އަބޫބަކުރުގެ ފަރާތުން ބަލައިގެންފައިވުމީ، ޝަމީމް ޢަބްދުﷲ އަބޫބަކުރުގެ ފަރާތުން ވަޙީދު އިސްމާޢީލްއަށް ދީފައިވާ ލުޔެއްކަމުގައި ބެލެވެން އޮތްކަން.
ސުޕްރީމް ކޯޓުގެ ކުރިމަތީ އޮތް މައްސަލަ
މި މައްސަލައިގައި އިސްތިއުނާފު ކުރާ ފަރާތުން ހުށަހެޅި އިސްތިއުނާފީ ދެ ނުކުތާގެ ތެރެއިން، ފުރަތަމަ ނުކުތާއަށް ރިޢާޔަތްކުރާއިރު، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާ މި މައްސަލައިގައި ތަޠުބީޤުކުރުމުގައި މައްސަލާގައި ހުށަހެޅިފައިވާ އެންމެހައި ލިޔެކިޔުންތަކަށް ރިޢާޔަތް ކޮށްފައިނުވާކަމަށާއި، ބުނެވުނު މާއްދާ މާނަކުރުމުގައި މި މައްސަލައިގައި ހިމެނޭ ޝަމީމް ޢަބްދުﷲ އަބޫބަކުރުގެ މަސްލަޙަތު ގެއްލޭ ގޮތަށް އެ މާއްދާ މާނަކޮށްފައި ވާކަމަށް ބުނެފައި އޮންނަ އޮތުމަށް ބަލާއިރު، މި ނުކުތާއާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުން ބުނެފައިވަނީ، ފައިސާ ދެއްކުމަށް ޝަމީމް ޢަބްދުﷲ އަބޫބަކުރު ލުއިދީފައިވާތީކަމަށް ވަޙީދު އިސްމާޢިލްގެ ފަރާތުން ބުނެ އެކަން ސާބިތުކޮށްދިނުމުގެ ގޮތުން ވަޙީދު އިސްމާޢީލްގެ ފަރާތުން ޝަމީމް ޢަބްދުﷲ އަބޫބަކުރުއަށް ފައިސާ ދައްކަމުން އައިގޮތުގެ ލިޔުންތައް ހުށަހަޅާފައިވާކަމާއި، އެކަމުގައި އެއްވެސް ޝަކުވާއެއް ޝަމީމް ޢަބްދުﷲ އަބޫބަކުރުގެ ފަރާތުން ކުރިކަން އެނގެން ނެތްކަމާއި، މިހެންކަމުން އެއްބަސްވުމުގައި ކުލީގެ ގޮތުގައި ބަޔާންކޮށްފައިވާ އަދަދުނޫން އެހެން އަދަދެއް އެއް އަހަރަށްވުރެ ގިނަދުވަސް ވަންދެން އެއްވެސް އިންކާރު ކުރުމެއްނެތި ޝަމީމް ޢަބްދުﷲ އަބޫބަކުރުގެ ފަރާތުން ބަލައިގަނެފައިވުމީ ޝަމީމް ޢަބްދުﷲ އަބޫބަކުރުގެ ފަރާތުން ވަޙީދު އިސްމާޢީލްއަށް ދީފައިވާ ލުޔެއްކަމުގައި ބެލެވޭކަމަށެވެ.
އިސްތިއުނާފީ ދެވަނަ ނުކުތާއަށް ރިޢާޔަތްކުރާއިރު، ހައިކޯޓުގެ ނަންބަރު 2015/HC-A/79 ޤަޟިއްޔާގައި "ޝަމީމް ޢަބްދުﷲ އަބޫބަކުރުއަށް ގެއްލުން ލިބިފައި ވީނަމަވެސް އެ ގެއްލުމަށް ޝަމީމް ޢަބްދުﷲ އަބޫބަކުރުގެ ފަރާތުން ޚަރަދުކޮށްފައި ވާކަން އެނގެން ނެތުމުން" ގެއްލުމުގެ ބަދަލުގެ ގޮތުގައި ފައިސާ ނަގައިދެވެން ނެތްކަމުގައި ބަޔާންކޮށްފައިވަނީ ޤާނޫނީ އެއްވެސް އުޞޫލެއްގެ ދަށުން ނޫންކަމާއި، އަދި ގެއްލުމުގެ ބަދަލު ނަގައިދިނުމުގައި ކަނޑައެޅިފައިވާ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެފައި އޮންނަ އޮތުމަށް ބަލާއިރު، މި ނުކުތާއާ ގުޅިގެން ހައިކޯޓުން ބުނެފައިވަނީ، 06 ޑިސެންބަރު 2010 ގައި ޝަމީމް ޢަބްދުﷲ އަބޫބަކުރުގެ ފަރާތުން ފޮނުވާފައިވާ ސިޓީގައި، ޝަމީމް ޢަބްދުﷲ އަބޫބަކުރުއާ ޕިކަޕް ޙަވާލުކުރިއިރު، ލިބިފައިވާ ގެއްލުންތައް ފާހަގަ ކޮށްފައިވާކަމަށެވެ. ސިވިލް ކޯޓުން ބަދަލު ނަގައިދީފައިވަނީ ޝަމީމް ޢަބްދުﷲ އަބޫބަކުރުގެ ފަރާތުން ހުށަހަޅާފައިވާ ކޯޓޭޝަންތަކަކަށް ރިޢާޔަތްކޮށް ކަމާއި ފައިސާ ދައްކާފައިވާ އެއްވެސް ލިޔުމެއް ހުށަހަޅާފައި ނުވާކަމަށް ވަޙީދު އިސްމާޢީލްގެ ފަރާތުން ފާހަގަ ކޮށްފައިވާތީ، ޝަމީމް ޢަބްދުﷲ އަބޫބަކުރުއާ ޕިކަޕް ޙަވާލު ކުރެވުނުއިރު ޕިކަޕަށް ލިބުނު ގެއްލުން މަރާމާތުކުރުމަށް ފައިސާ ޚަރަދުކުރިކަން އެނގޭނެ ލިޔުމެއް (ހައިކޯޓުގެ) ޤަޟިއްޔާގައި ހުށަހެޅިފައި ނުވާތީ، ޝަމީމް ޢަބްދުﷲ އަބޫބަކުރުގެ ފަރާތުން ޕިކަޕްގެ މަރާމާތަށް ފައިސާ ދައްކާފައިވާނަމަ އެފަދަ ލިޔުމެއް ހުށަހެޅުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ދެވުނު ފުރުސަތު ގައި އެފަދަ ލިޔުމެއް ހުށަހަޅާފައި ނުވާކަމަށެވެ.
މި މައްސަލައާ ގުޅިގެން މައްސަލައިގައި ހިމެނޭ ދެފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ހުށަހެޅި ކަންކަމަށް ބަލާއިރު، އެއްބަސްވުމުގައި ސޮއިކުރެވުނު ދުވަހުން ފެށިގެން ފުރަތަމަ 30 ދުވަސް ފިޔަވައި އޭގެ ފަހުން 02 ސެޕްޓެންބަރު 2010 އާ ހަމައަށް ފައިސާ ދައްކަމުން އައީ ހުކުރު ދުވަސް ފިޔަވައި ދުވާލަކަށް 150/-ރ. (ސަތޭކަ ފަންސާސް ރުފިޔާ) ކަމަށާއި މިއީ އިސްތިއުނާފު ރައްދުވާ ފަރާތަށް ދީފައިވާ ލުޔެއް ކަމަށް ވަޙީދު އިސްމާޢީލް ބުނާއިރު، ޝަމީމް ޢަބްދުﷲ އަބޫބަކުރު ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓު އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައިވެސް ބުނެފައިވަނީ، 150/-ރ. (ސަތޭކަ ފަންސާސް ރުފިޔާ) ބުނެވުނު މުއްދަތުގައި ބަލައިގަނެފައި އޮތްއޮތުމަކީ މި ފައިސާވެސް ބަލައި ނުގަނެފިނަމަ، މި ފައިސާވެސް ނުލިބި ހިނގައިދާނެތީ ލިބެން އަންނަ ގެއްލުމެއް ކުޑަކުރުމަށްޓަކައި ޝަމީމް ޢަބްދުﷲ އަބޫބަކުރުގެ ފަރާތުން ބަލައިގަނެފައި އޮތްއޮތުމެއް ކަމަށެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ފާހަގަކުރި ކަންކަމަށް ބަލާއިރު، މި މައްސަލައިގައި މައިގަނޑު ގޮތެއްގައި ގޮތެއް ކަނޑައަޅަންޖެހެނީ، ވަޙީދު އިސްމާޢީލް ބުނާފަދަ ލުޔެއް ޝަމީމް ޢަބްދުﷲ އަބޫބަކުރުގެ ފަރާތުން ވަޙީދު އިސްމާޢީލްއަށް ދީފައިވޭތޯ އާއި، އަދި މި މައްސަލައިގައި ޝަމީމް ޢަބްދުﷲ އަބޫބަކުރު އެދިފައިވާ ބަދަލު އެފަރާތަށް ލިބިދެވިދާނެތޯއެވެ.
އިސްތިއުނާފު ކުރާ ފަރާތުން އިސްތިއުނާފު ރައްދުވާ ފަރާތަށް ލުޔެއް ދީފައިވޭތޯ ބެލުން
މި މައްސަލައިގައި އިސްތިއުނާފު ކުރާ ފަރާތުން ދެއްކި ވާހަކަ ތަކަށް ބަލާއިރު، 12 ޖަނަވަރީ 2008 ގައި ކުރެވުނު އެއްބަސްވުމުގެ 3 ވަނަ މާއްދާގައި ޕިކަޕް ހަވާލުކުރާ ދުވަހުން ފެށިގެން 03 އަހަރު ދުވަހުގެ މުއްދަތަށް ދުވާލަކަށް 300.00ރ. (ތިންސަތޭކަ ރުފިޔާ) ޝަމީމް ޢަބްދުﷲ އަބޫބަކުރުއަށް ދޭގޮތަށް އެއްބަސްވެ ދެފަރާތުން ސޮއިކޮށްފައި ވީނަމަވެސް، އޭގެ އެއްމަސްފަހުން މި އަދަދު 150/ރ. (ސަތޭކަ ފަންސާސް ރުފިޔާ) އަށް ބަދަލުވެ 02 ސެޕްޓެންބަރު 2010 އާ ހަމައަށް ދައްކަމުން ދިޔައީ 150/-ރ. (ސަތޭކަ ފަންސާސް ރުފިޔާ) ކަން ދެފަރާތުން ސިވިލް ކޯޓާއި ދިވެހިރާއްޖޭގެ ހައިކޯޓާއި އަދި ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެއްކި ވާހަކަތަކުން އެނގެން އޮވެއެވެ. އަދި އޭގެ ފަހުން 04 ސެޕްޓެންބަރު 2010 ގައި ވަޙީދު އިސްމާޢީލް ޕިކަޕްގެ "ތަޅުދަނޑި އެއްލާލާފައި ދިޔަ" ކަން 06 ޑިސެންބަރު 2010 ގައި ޝަމީމް ޢަބްދުﷲ އަބޫބަކުރު، ވަޙީދު އިސްމާޢީލްއަށް ފޮނުވި ސިޓީއިން އެނގެން އޮވެއެވެ.
ދެފަރާތުގެ ދެމެދު ސޮއިކުރެވުނު ޕިކަޕް ދުއްވުމުގެ އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކާފައިނުވާތީ، އެފައިސާ ހޯދުމަށާއި، ޕިކަފް ދުއްވި ދުވަސްވަރު އެޕިކަޕަށް ގެއްލުންތަކެއް ވެފައިވާ ކަމަށްބުނެ ޝަމީމް ޢަބްދުﷲ އަބޫބަކުރުގެ ފަރާތުން ވަޙީދު އިސްމާޢީލްގެ މައްޗަށް ސިވިލް ކޯޓުގައި ކުރި ދަޢުވާއާ ގުޅިގެން އެ ދަޢުވާއަށް އިންކާރުކޮށް ވަޙީދު އިސްމާޢީލްގެ ފަރާތުން ނަގާފައިވާ ދިފާޢަކީ ދަޢުވާއާއެކު ހުށަހަޅާފައިވާ އެއްބަސްވުމަކީ ޞައްޙަ އެއްބަސްވުމެއް ނޫންކަމުގެ ދިފާޢެވެ. އަދި އެއްބަސްވުމަކީ ދެނެހުރި އެއްބަސްވުމަކަށް ނުވިއަސް ޝަމީމް ޢަބްދުﷲ އަބޫބަކުރު ޙަވާލުކޮށްފައިވާ ޕިކަޕެއް ދުއްވި ކަމަށާއި އެފަދައިން ދުއްވީ އެ ޕިކަޕުގެ އަގުހަމަވުމުން ވަޙީދު އިސްމާޢިލްގެ ނަމަށް އެ ޕިކަޕް ރަޖިސްޓްރީ ކޮށްދޭނެކަމަށް ބުނެފައިވާތީ ކަމުގައި ވަޙީދު އިސްމާޢީލް ސިވިލް ކޯޓުގައި ބުނެފައިވެއެވެ.
ދެފަރާތުގެ ދެމެދު ކުރެވުނު އެއްބަސްވުމުގެ ދަށުން އެއް މަސްދުވަސްވަންދެން އެއްބަސްވުމުގައިވާ އަދަދަށް ފައިސާ ދެއްކުމަށްފަހު، އޭގެ ފަހުން ޕިކަޕް ހަވާލުކުރަންދެން، ވަހީދު އިސްމާޢީލްގެ ފަރާތުން 150/-ރ. (ސަތޭކަ ފަންސާސް ރުފިޔާ) ޝަމީމް ޢަބްދުﷲ އަބޫބަކުރުގެ ފަރާތުން ބަލައިގަންނަމުން ދިއުމަކީ ވަޙީދު އިސްމާޢީލްއަށް ލިބިދީފައިވާ ލުޔެއް ކަމުގެ ދިފާޢު ވަޙީދު އިސްމާޢީލްގެ ފަރާތުން ނަގާފައިވަނީ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައިކަން މި މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބެލުމުން އެނގެން އޮވެއެވެ.
އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ޢަދަދުގެ ބަދަލުގައި ވަޙީދު އިސްމާޢީލްގެ ފަރާތުން 150/-ރ. (ސަތޭކަ ފަންސާސް ރުފިޔާ) ދައްކަމުން ދިޔަދިއުން ޤަބޫލުކޮށް 02 ސެޕްޓެންބަރު 2010 އާ ހަމައަށް އެ ފައިސާ ބަލައިގަންނަމުން ދިޔުމަކީ ވަޙީދު އިސްމާޢިލް އަށް ޝަމީމް ޢަބްދުﷲ އަބޫބަކުރުގެ ފަރާތުން ލިބިދީފައިވާ ލުޔެއްކަމަށް ވަޙީދު އިސްމާޢިލް ބުނާ ބުނުމަށް އިންކާރުކުރަމުން، އެގޮތަށް އެ ފައިސާ ބަލައިގަންނަމުން ދިޔައީ ލިބިދާނެ ގެއްލުން ކުޑަކުރުމުގެ ގޮތުން ކަމަށާއި އެއީ ފަހުން އަދަދު ހަމަކުރާގޮތަށް ދީފައިވާ ލުޔެއްކަމަށާ، އަދި އެ ގޮތަށް ލުއި ދީފައިވަނީ ދެފަރާތުގެ ދެމެދު ކުރެވުނު އެއްބަސްވުމުގެ 6 ވަނަ މާއްދާގެ ދަށުން ޕިކަޕް މަރާމާތުކުރުމުގެ ކަންކަން ކުރަންޖެހޭ ފަރާތަކީ ވަޙީދު އިސްމާޢީލް ކަމަށްވާތީ، އެފަރާތުގެ މާލީ ޙާލަތު އެވަގުތު ހުރިގޮތުން -/300ރ. (ތިންސަތޭކަ ރުފިޔާ) ދުވާލަކަށް ދީގެން މަރާމާތުތައް ކުރަން ދަތިވާނެތީކަމަށް ޝަމީމް ޢަބްދުﷲ އަބޫބަކުރުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބުނެފައިވެއެވެ. އަދި މިގޮތަށް، ދިވެހިރާއްޖޭގެ ހައިކޯޓުގައިވެސް މިކަން ޝަމީމް ޢަބްދުﷲ އަބޫބަކުރު ފާހަގަ ކޮށްފައިވާކަން އެނގެން އޮވެއެވެ.
ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރަނީ؛
"ކޮންޓްރެކްޓެއްގެ ބައިވެރިއެއްގެ މައްޗަށް ލާޒިމުވާ ކަންތައްތައް ކުރަންވާނީ އެ ކޮންޓްރެކްޓެއްގައިވާ ޝަރުޠުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މިއާ ޚިލާފު ގޮތަކަށް ޢަމަލުކުރެވޭނީ، އެ ކޮންޓްރެކްޓެއްގެ އަނެއް ބައިވެރިޔާ، އޭނާގެ މައްޗަށް ލާޒިމުވާ ކަމަކަށް ދުލެއްދީފިނަމައެވެ. ނުވަތަ އޭނާ ކޮންމެވެސް އެހެން ގޮތަކަށް ޢަމަލުކުރާން އެއްބަސްވެއްޖެ ނަމައެވެ."
މިފަދައިންނެވެ. ވަޙީދު އިސްމާޢީލް ގެ ފަރާތުން މި މައްސަލައިގައި ފާހަގަކުރާ ލުއި ވަޙީދު އިސްމާޢީލް އަށް މި މާއްދާގެ ދަށުން ލިބިދީފައިވޭތޯ ބަލާއިރު، އެފަދަ ލުޔެއް ދީ މި މައްސަލައިގައި ހަވާލާދޭ ޕިކަޕްގެ ކުއްޔަށް ދުވާލަކަށް ދައްކަންޖެހޭ 300/-ރ. (ތިންސަތޭކަ ރުފިޔާ) ގެ ތެރެއިން ވަޙީދު އިސްމާޢީލް ނުދައްކައިވާ 150/-ރ. (ސަތޭކަ ފަންސާސް ރުފިޔާ) އަކީ ޝަމީމް ޢަބްދުﷲ އަބޫބަކުރު އަމަލުކޮށްފައިވާގޮތުން، ވަޙީދު އިސްމާޢީލަށް ލިބިދީފައިވާ ލުޔެއްކަމަށް ބުނާ ބުނުން ފިޔަވައި، އެކަމަށް ބާރުދޭ އިތުރު އެއްވެސް ހެއްކެއްނެތި، އަދި ވަޙީދު އިސްމާޢީލް ގެ އެ ބުނުމަށް ޝަމީމް ޢަބްދުﷲ އަބޫބަކުރު އިންކާރު ކުރަމުންދާ ހާ ހިނދަކު، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދަ ލުޔެއް ޝަމީމް ޢަބްދުﷲ އަބޫބަކުރުގެ ފަރާތުން ވަޙީދު އިސްމާޢީލްއަށް ލިބިދީފައިވާކަމަށް ބެލެވޭނެ ހަމައެއް ނެތްކަމަށް އަހުރެން ދެކެމެވެ.
މި މައްސަލައިގައި ދެފަރާތުގެ ދެމެދު ކުރެވުނު އެއްބަސްވުމުގެ ދަށުން އެއް މަސްދުވަސްވަންދެން އެއްބަސްވުމުގައިވާ ޢަދަދަށް ފައިސާ ދެއްކުމަށްފަހު، އޭގެ ފަހުން ޕިކަޕް ހަވާލުކުރަންދެން، ވަޙީދު އިސްމާޢީލްގެ ފަރާތުން 150/-ރ. (ސަތޭކަ ފަންސާސް ރުފިޔާ) ޝަމީމް ޢަބްދުﷲ އަބޫބަކުރުގެ ފަރާތުން ބަލައިގަންނަމުން ދިއުމަކީ ވަޙީދު އިސްމާޢީލްއަށް ލިބިދީފައިވާ ލުޔެއް ކަމަށް ކަނޑައަޅައި، އެގޮތުގެ މަތިން ހަމައެކަނި ހުކުރުދުވަސްތަކަށް ނުދެއްކިވާ ކުލީގެ މިންވަރު ދިވެހިރާއްޖޭގެ ހައިކޯޓުން، ވަޙީދު އިސްމާޢިލްއަށް ނަގައިދީފައިވާ އުސޫލަށް ރިޢާޔަތްކުރާއިރު، ސިވިލް ކޯޓުގައި މި މައްސަލަ ހިނގަމުން ދިޔައިރު، ވަޙީދު އިސްމާޢީލްގެ ފަރާތުން ޝަމީމް ޢަބްދުﷲ އަބޫބަކުރުގެ ފަރާތުން ލުޔެއް ލިބިދީފައިވާ ކަމުގެ ދިފާޢު ނަގައި އެކަންކަމާގުޅޭ ގޮތުން ވާހަކަ ދައްކާފައިވާކަން ސިވިލް ކޯޓުގެ ރިޕޯޓުން އެނގޭކަށް ނެތެވެ. ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގައި ވަނީ؛ "ހައިކޯޓުން މައްސަލަތައް ބަލާނީ ދަށު ކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެންނެވެ." މިފަދައިންނެވެ. އެހެންކަމުން، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ބުނެވުނު މާއްދާއަށް ރިޢާޔަތްކުރާއިރު، ލުއި ދީފައިވާ ކަމަށްބުނެ ވަޙީދު އިސްމާޢިލް ފާހަގަ ކުރި ދިފާޢުއަކީ ހައިކޯޓުން އެ ވާޤިއާގެ މައްޗަށް ގޮތް ކަނޑައެޅިދާނެ ވާޤިޢާއެއް ކަމުގައި އަހުރެން ނުދެކެވެ.
އެހެންކަމުން، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) އަދި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ގެ 32 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކުރާއިރު، ވަޙީދު އިސްމާޢީލްއަށް ޕިކަޕްގެ ކުއްޔަށް ދުވާލަކަށް ދައްކަންޖެހޭ 300/-ރ. (ތިންސަތޭކަ ރުފިޔާ) ގެ ތެރެއިން ވަޙީދު އިސްމާޢީލް ނުދައްކައިވާ 150/-ރ. (ސަތޭކަ ފަންސާސް ރުފިޔާ) އަކީ ޝަމީމް ޢަބްދުﷲ އަބޫބަކުރު އަމަލުކޮށްފައިވާގޮތުން، ވަޙީދު އިސްމާޢީލަށް ލިބިދީފައިވާ ލުޔެއްކަމަށް ބުނާ ބުނުން ފިޔަވައި، އެކަމަށް ބާރުދޭ އިތުރު އެއްވެސް ހެއްކެއްނެތި، އަދި ވަޙީދު އިސްމާޢީލް ގެ އެ ބުނުމަށް ޝަމީމް ޢަބްދުﷲ އަބޫބަކުރު އިންކާރު ކުރަމުންދާ ހާ ހިނދަކު، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދަ ލުޔެއް ޝަމީމް ޢަބްދުﷲގެ ފަރާތުން ވަޙީދު އިސްމާޢީލްއަށް ލިބިދީފައިވާކަމަށް ބަލައި ދަށުކޯޓަށް ހުށަނާޅާ ދިފާޢު އެއް ހައިކޯޓަށް ބަލައިގަނެ، އެކަމާގުޅިގެން ހައިކޯޓަށް ގޮތެއް ކަނޑައެޅިދާނެކަމަށް އަހުރެން ނުދެކެވެ.
މި މައްސަލައަށް ޕްރޮމިސަރީ އެސްޓޮޕަލްގެ މަބްދައު ގެ ދަށުން މަންފާއެއް ލިބިދެވިދާނެތޯ ބެލުން
ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގައި ބުނަނީ ކޮންޓްރެކްޓަކީ ވަކި މިވެނިގޮތަކަށް އޮތުން ލާޒިމު އެއްޗެއް ނޫންކަމަށެވެ. އަދި އެކަކު އަނެކަކުގެ މައްޗަށް ހުށަހަޅާ ހުށަހެޅުމެއް، އެ ހުށަހެޅުން ރައްދުވީ ފަރާތުން ޤަބޫލުކުރުމުން ކޮންޓްރެކްޓް ކުރެވިގެންދާނެކަމަށް ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ.
ކޮންޓްރެކްޓް ޤާނޫނުގެ ދާއިރާގައި ތަޠުބީޤުކުރެވޭ "ޕްރޮމިސަރީ އެސްޓޮޕަލް"ގެ މަފްހޫމަކީ ކޮންޓްރެކްޓެއް ނުވަތަ އެއްބަސްވުމެއްގައި ހިމެނޭ އެއް ފަރާތުން ކުރާ ވަޢުދަކަށް އަނެއް ފަރާތުން ބަރޯސާވެ އެގޮތުގެ މަތިން ޢަމަލުކުރުމަށްފަހު، ވަޢުދުވި ފަރާތުންވި ވަޢުދާ ޚިލާފު ޢަމަލެއް ކުރުން އުޞޫލެއްގެ ގޮތުގައި މަނާވެގެންވުން ކަމުގައިވާއިރު، އެ މަފްހޫމުގެ ދަށުން "ޕްރޮމިސަރީ އެސްޓޮޕަލް "ޙުއްޖަތެއްގެ ގޮތުގައި ބޭނުންކުރާ ފަރާތާއި ވަޢުދުވި ފަރާތާ ދެމެދުގައި ކުރިން ޤާއިމުވެ ދެމިއޮތް ޤާނޫނީ ނުވަތަ "ތަޢާޤުދީ" ((contractual ގުޅުމެއް އޮތުމުގެ އިތުރުން "ޕްރޮމިސަރީ އެސްޓޮޕަލް" ބޭނުންކުރެވޭނީ ހަމައެކަނި ވަޢުދުވި ފަރާތުން ވަޢުދުވެވެނު ފަރާތާ އިދިކޮޅަށް ކޮށްފައިވާ ޢަމަލެއްގެ ދިފާޢުގައި ކަމާ، އަދި މީގެ އިތުރުން ވަޢުދުވި ފަރާތުން ވެފައިވާ ވަޢުދަކީ، އެއްބަސްވުމުގެ ޝަރުޠަކަށް ބަދަލެއް އަންނަ ފަދަ ނުވަތަ އެއަށް ޢަމަލުކުރަން ނުޖެހޭ ފަދަ ވަޢުދަކަށް ވުމާއި، ވަޢުދުވެވުނު ފަރާތުން އެ ވަޢުދަށް ބަރޯސާވެ އެގޮތުގެ މަތިން ޢަމަލުކޮށްފައި ވުމާއި، ވަޢުދުވި ފަރާތުން އެފަރާތުގެ ވަޢުދާ ޚިލާފަށް ޢަމަލުކުރުމަކީ ޢަދުލު އިންޞާފުގެ ހަމަތަކާ ޚިލާފު ކަމަކަށްވުމާއި، މިކަންކަމަކީ ވެސް "ޕްރޮމިސަރީ އެސްޓޮޕަލް" ގައި ހުރުން ލާޒިމްވެގެންވާ ކަންތައްކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބޭންކް އޮފް މޯލްޑިވްސް ޕލކ ވ. ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާއަށް ބެލުމުން އެނގެން އޮވެއެވެ.
ސުޕްރީމް ކޯޓުން ނިންމާފައިވާ ޢަބްދުލް މަޖީދު ވ. މާލޭ ސިޓީ ކައުންސިލް ޤަޟިއްޔާގައި ޕްރޮމިސަރީ އެސްޓޮޕަލްގެ މަބްދައު ތަޠުބީޤު ކުރެވޭނެ ޙާލަތްތަކެއް ވަނީ ބަޔާންކޮށްދީފައެވެ. މިގޮތުން ބުނެވިދިޔަ ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ޙާލަތްތަކަކީ،
ވަޢުދުވީ ފަރާތުން ވެފައިވާ ވަޢުދަކީ އެމައްޗަށް އަނެއް (ވަޢުދު ރައްދުވި) ފަރާތުން ބަރޯސާވެ، އެ ވަޢުދާ އެއްގޮތަށް ކަންހިނގާނެކަމުގައި ބަލައި ކަންކަން ތަރުތީބުކުރާފަދަ އެކަށީގެންވާ (ސިގްނިފިކަންޓް) ވަޢުދެއްކަމުގައިވުން؛
ވަޢުދު ރައްދުވާ ފަރާތުން، އެ ވަޢުދުގެ މައްޗަށް ބަރޯސާވެ، ވަޢުދާ އެއްގޮތަށް ކަންހިނގާނެކަމުގައި ބަލައި، (މުޤާބިލެއް ނެތްނަމަވެސް) ޢަމަލުތަކެއް ކުރުން؛
ވަޢުދާ އެއްގޮތަށް ޢަމަލުކުރާނެކަމަށް ދެކިގެން، ވަޢުދު ރައްދުވާ ފަރާތުން ކުޅަ ޢަމަލުތަކުގެ ސަބަބުން، އޭނާއަށް މާލީގޮތުން ނުވަތަ އިޤްތިޞާދީ ގެއްލުމެއް ކުރިމަތިލާންޖެހުން؛ އަދި
ކުރިމަތިވެފައިވާ ބޭއިންސާފަށް ޙައްލު ލިބިދެވޭނެ ހަމައެކަނި ގޮތަކީ، ވެފައިވާ ވަޢުދާއެއްގޮތަށް ޢަމަލުކުރުމަށް ވަޢުދުވީ ފަރާތަށް އެންގުން ކަމުގައިވުން؛ މިއެވެ.
ހުށަހެޅިފައި މިވާ މައްސަލައިގައި އިސްތިއުނާފު ކުރާ ފަރާތުން އިސްތިއުނާފު ރައްދުވާ ފަރާތަށް ލިބިދީފައިވާކަމަށް ބުނާ ލުއީގެ ސަބަބުން ޕްރޮމިސަރީ އެސްޓޮޕަލްގެ މަންފާ އެފަރާތަށް ލިބިދޭންޖެހޭތޯބަލާއިރު، މި މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، ވަޙީދު އިސްމާޢީލް އެ ބުނާފަދަ ލުޔެއް ދިނުމާގުޅޭގޮތުން ޝަމީމް ޢަބްދުﷲ އަބޫބަކުރުގެ ފަރާތުން ވަޢުދެއް ވެފައިވާކަން އެނގެން ނެތަތީ ޕްރޮމިސަރީ އެސްޓޮޕަލްގެ މަންފާ ވަޙީދު އިސްމާޢީލްއަށް ލިބިދެވޭނެކަމަކަށް އަހުރެންނަކަށް ނުފެނެއެވެ.
ގެއްލުމުގެ ބަދަލު ނަގައިދިނުން
ކޮންޓްރެކްޓެއްގެ ބައިވެރިޔަކު އެ ކޮންޓްރެކްޓަކާ ޚިލާފު ޢަމަލެއް ކޮށްފިނަމަ، އެ ޢަމަލެއްކުރުމުން ލިބުނު ގެއްލުމަކަށް އެ ޢަމަލުކުރި މީހަކު ބަދަލުދޭން ޖެހޭނެ ކަމަށް ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން، ބަދަލު ލިބިދެވޭނީ ކޮންޓްރެކްޓާ ޚިލާފުވުމުގެ ސަބަބުން ސީދާ ލިބޭ ގެއްލުމަށާއި، އެފަދަ ޚިލާފު ޢަމަލެއް ކުރުމުން ލިބިދާނެކަން ކޮންޓްރެކްޓްގެ ބައިވެރިންނަށް އެނގިފައިވާ ގެއްލުންތަކަށްކަން އެ މާއްދާގެ (ހ) އަދި (ށ) އަށް ބެލުމުން އެނގެއެވެ.
ސުޕްރީމް ކޯޓުގެ ޙަސަން ޢަލީމަނިކު ވ. އަޙްމަދު ޖަނާޙް ޤަޟިއްޔާގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ބަޔާންކުރައްވާފައިވާ ފަދައިން މަދަނީ މުޢާމަލާތެއްގައި ބަދަލު (damages) އަކީ ގެއްލުން ލިބުނު ފަރާތަށް ލިބުނު ގެއްލުމުގެ ބަދަލުގައި ދެވޭ ފައިސާގެ ޢަދަދެކެވެ. މިފައިސާ ނަގައިދެވޭނީ ގެއްލުން ލިބުނު ފަރާތަށް (ނުވަތަ އޭނާގެ ޙައްޤަކަށް ނުވަތަ އޭނާގެ މުދަލަކަށް) ގެއްލުން ދިން ފަރާތުގެ ކިބައިންނެވެ. ކޮންޓްރެކްޓްތަކާ ގުޅިގެން މިފަދަ ބަދަލު ލިބިދެވެނީ ކޮންޓްރެކްޓާ ޚިލާފްވެއްޖެނަމަ، ކޮންޓްރެކްޓާ ޚިލާފުވި ފަރާތުގެ ކިބައިންނެވެ. އަދި އެއްބަސްވުމަކާ ޚިލާފްވެފައިވާ ޙާލަތުގައި ގެއްލުން ލިބުނު ފަރާތަށް އޭގެ މާލީ ބަދަލު ލިބިދިނުމަށްޓަކައި ސާބިތުވާންޖެހޭ ކަންތައްތަކެއް ޙަސަން ޢަލީމަނިކު ވ. އަޙްމަދު ޖަނާޙް ޤަޟިއްޔާގެ ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔުގައި ފާހަގަކުރައްވާފައި ވެއެވެ. އެކަންކަމަކީ؛
އެއްބަސްވުމާ ޚިލާފްވުމުގެ ސަބަބުން ގެއްލުމެއް ވެފައިވުން؛
ލިބިފައިވާ ގެއްލުމަކީ ގެއްލުމުގެ ބަދަލު ލިބިދެވޭފަދަ ޚިލާފުވުމެއް ކަމުގައިވުން؛ އަދި
އެއްބަސްވުމާ ޚިލާފުވެފައިވުމާއި ލިބުނު ގެއްލުމާ ގުޅުމެއްވުން؛ މިއެވެ.
އަދި ހަމަ މިއާއެކު، އެކަށީގެންވާ ވަރަށް ރައްކާތެރި ނުވުމުގެ ސަބަބުން ލިބޭ ގެއްލުމަކަށް ރައްކާތެރިނުވި ފަރާތަށް ބަދަލު ދިނުމެއް ނޯންނާނެކަމަށް ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 24 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނަ އޮތުމަށް ބެލުމުން، ކޮންޓްރެކްޓާ ޚިލާފުވުމުގެ ސަބަބުން ލިބޭ ގެއްލުމަކަށް ނަގައިދެވޭނެ ބަދަލު ކަނޑައެޅުމުގައި، ގެއްލުން ކުޑަކުރުމުގެ ގޮތުން ބަދަލު ހޯދުމަށް އެދޭ ފަރާތުން އަޅާފައިވާ ފިޔަވަޅުތަކަށް ޝަރީޢަތުން ރިޢާޔަތް ކުރަންވާނެކަން އެނގެއެވެ.
ކޮންޓްރެކްޓާ ޚިލާފުވުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ޝަރީޢަތުން ނަގައިދޭއިރު، އެކަށީގެންވާ ވަރަށް ރައްކާތެރިވެފައިވޭތޯ ބެލުމުގައި ރިޢާޔަތްކުރެވިދާނެ މައިގަނޑު ދެ ކަމެއް ސުޕްރީމް ކޯޓުގެ ގްލޭފާ މުޙައްމަދު ވ. އާދަމް ޙަލީމް ޤަޟިއްޔާގައި ބަޔާންކޮށްފައިވެއެވެ. މިގޮތުން އެ ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ކަންކަމަކީ؛
(ހ) ގެއްލުމުގެ ބަދަލު ހޯދަން އެދޭ ކަންކަމުގައި، ލިބުނު ގެއްލުން ކުޑަކުރުމުގެ އިހުތިމާލު އޮތްތޯ؛ އަދި
(ށ) އެފަދަ ގެއްލުމެއް ކުޑަކުރުމުގެ އިހުތިމާލު އޮތްނަމަވެސް، ބަދަލަށް އެދޭ ފަރާތުގެ ޢަމަލުތައް ހުރީ އެކަށީގެންވާ (reasonable) ގޮތަކަށްތޯ. މިއެވެ.
ހުށަހެޅިފައިމިވާ މައްސަލައިގައި، ޝަމީމް ޢަބްދުﷲ އަބޫބަކުރު ބަދަލުނަގައިދޭން އެދިފައިވަނީ، ދެ ފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުމާ ވަޙީދު އިސްމާޢިލް ޚިލާފްވެ، މި އެއްބަސްވުމުގެ ދަށުން ވަޙީދު އިސްމާޢީލް ޕިކަޕް މަރާމާތަށް ޚަރަދު ކުރުން ލާޒިމްކޮށްފައިވީނަމަވެސް އެފަދައިން ވަޙީދު އިސްމާޢިލް ޢަމަލުކޮށްފައިނުވުމުގެ ސަބަބުން ގެއްލުންތަކެއް ވެފައިވާ ކަމަށް ބުނެކަން އެނގެން އޮވެއެވެ.
މިގޮތުން އެއްބަސްވުމުގެ 6 ވަނަ މާއްދާގައި ޕިކަޕް މަރާމާތުކޮށް ބެލެހެއްޓުމަކީ ވަޙީދު އިސްމާޢިލްގެ ޒިންމާއެއްކަމާއި މި އެއްބަސްވުމުގެ މުއްދަތުގައި އެކްސިޑެންޓެއްގެ ސަބަބުން ވިޔަސް އަދި އެނޫން ގޮތަކުން ވިޔަސް ޕިކަޕަށް ލިބޭ ކޮންމެ ގެއްލުމެއްވެސް ވަޙީދު އިސްމާޢީލް މަރާމާތުކުރަންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.
މި މައްސަލައިގައި އިސްތިއުނާފު ކުރެވޭ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/79 ޤަޟިއްޔާގައި، ޕިކަޕް މަރާމާތު ކުރުމަށް 12,000/-ރ. (ބާރަހާސް) ރުފިޔާ އާއި ޕިކަޕް އެއަރ ކޯން މަސައްކަތަށް 7550/-ރ. (ހަތްހާސް ފަސްސަތޭކަ ފަންސާސް) ރުފިޔާ ސިވިލް ކޯޓުން ނަގައިދީފައިވަނީ ޝަމީމް ޢަބްދުﷲ އަބޫބަކުރުގެ ފަރާތުން އެ ފައިސާ ޚަރަދުކުރިކަން އެނގޭނެ ލިޔެކިޔުމެއް ހުށަހަޅާފައި ނުވަނީސް ކަމަށާއި އެކަން ސާބިތުކުރުމަށް އެފަދަ ލިޔުމެއް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުގެ ފުރުސަތު ޝަމީމް ޢަބްދުﷲ އަބޫބަކުރަށް ދިވެހިރާއްޖޭގެ ހައިކޯޓުން ލިބިދިނުމުންވެސް އެފަދަ ލިޔުމެއް ހުށަހަޅާފައިނުވާކަމަށް ބުނެފައިވެއެވެ. އެގޮތުން ސިވިލް ކޯޓުގެ ނަންބަރު 809/Cv-C/2011 ޤަޟިއްޔާގައި ބުނެވުނު ޢަދަދު ނަގައިދިނުމަށް ކަނޑައަޅާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުސޫލަކާ ޚިލާފަށްކަމަށް ބެލެވެން އޮންނަކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައި އޮންނަ އޮތުމަށް ރިޢާޔަތް ކުރާއިރު، ވަޙީދު އިސްމާޢިލްގެ ފަރާތުން ޝަމީމް ޢަބްދުﷲ އަބޫބަކުރުއާ ޕިކަޕް އަނބުރާ ހަވާލުކުރިއިރު ޕިކަޕަށް ގެއްލުންތަކެއް ވެފައިވާކަން ސާބިތުކުރުމަށް ޝަމީމް ޢަބްދުﷲ އަބޫބަކުރުގެ ފަރާތުން ހެކިބަސް ދޭނެ 03 (ތިނެއް) ފަރާތެއް ސިވިލް ކޯޓަށް ޙާޟިރުކޮށް އެފަރާތްތަކުގެ ހެކިބަސް ނަގާފައިވާކަން އެނގެން އޮވެއެވެ. ސިވިލް ކޯޓަށް ހުށަހެޅުނު ބުނެވުނު ތިން ހެކިންގެ ތެރެއިން ދެ ހެކިން ހެކިބަސް ދެމުން ޕިކަޕަކީ އެ ޕިކަޕް ވަޙީދު އިސްމާޢިލް އާއި ހަވާލުކުރެވުނު އިރު އައު ޕިކަޕެއްކަމަށް ބުނެފައިވެއެވެ. އަދި ޕިކަޕް ޝަމީމް ޢަބްދުﷲ އަބޫބަކުރާ ޙަވާލުކުރެވުނުއިރު، އެޕިކަޕަށް އެކި ވަރުގެ ގެއްލުންތައް ވެފައިވާކަމަށް ބަޔާންކޮށް ލިބިފައިވާ ގެއްލުންތައް ކިޔާދީފައިވެއެވެ. އަދި އޭގެތެރެއިން އެއް ހެއްކަކު އެ ޕިކަޕް އޮތީ މަރާމާތުކޮށްގެން ނޫނީ ނުދުއްވޭވަރު ވެފައި ކަމަށް ބުނެފައިވާކަން އެނގެން އޮވެއެވެ. ގެއްލުން ވެފައިވާކަން ސާބިތު ކުރުމަށްޓަކައި ބުނެވުނު ތިން ހެކިންގެ އިތުރުން ޝަމީމް ޢަބްދުﷲ އަބޫބަކުރުގެ ފަރާތުން ސިވިލް ކޯޓަށް ޕިކަޕަށް ލިބިފައިވާ ގެއްލުންތައް އެނގޭނެ ފޮޓޯއާއި ކޯޓޭޝަންތަކަކާއި އެސްޓިމޭޓްތަކެއް ހުށަހަޅާފައިވާކަން އެނގެން އޮވެއެވެ.
މިގޮތުން، ޕިކަޕަށް ލިބިފައިވާ ބުނެވުނު ގެއްލުންތަކަށް އަރާނެ ފައިސާގެ ޢަދަދު ސާބިތުކޮށްދިނުމަށް ޝަމީމް ޢަބްދުﷲ އަބޫބަކުރުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި އެޗް.އޭ.ޑީ ގަރާޖް ގެ ނަންބަރު GE/10/328 (01 ޑިސެންބަރު 2010) ކޯޓޭޝަންގައި ޕިކަޕްއިން ބަނޑިވެފައިވާ ތަންތަން މަރާމާތުކުރުމަށް -/12000ރ. (ބާރަހާސް ރުފިޔާ) ޚަރަދުވާނެ ކަމަށް ބަޔާންކޮށްފައި އޮވެއެވެ. އަދި ޝަމީމް ޢަބްދުﷲ އަބޫބަކުރުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ޓޮމީ ރެފްރިޖިރޭޝަން އެންޑް އެންޖިނިއަރިންގެ ނަންބަރު 2010/QT/120 (25 އޮކްޓޫބަރު 2010) ކޯޓޭޝަންގައި ޕިކަޕްގެ އެއަރކޯން މަރާމާތުކުރުމުގެ މަސައްކަތަށް -/7550ރ. (ހަތްހާސް ފައްސަތޭކަ ފަންސާސް ރުފިޔާ) ޚަރަދުވާނެ ކަމަށް ބަޔާންކޮށްފައި އޮންނަކަން އެނގެން އޮވެއެވެ. އަދި ސިވިލް ކޯޓުގެ ޝަރީޢަތުގައި ހެކިބަސް ދިން އެއް ފަރާތުން ކޯޓޭޝަންތަކުގައި ޖެހީ އޭރު ހަލާކުވެ ބަދަލުކުރަންޖެހޭ އެއްޗިހިތޯ ޝަރީޢަތުން ކުރި ސުވާލުގެ ޖަވާބުގައި ކޯޓޭޝަންތަކުގައި ޖެހީ އޭރު ހަލާކުވެ ބަދަލުކުރަންޖެހޭ އެއްޗިހިކަމުގައި ބަޔާންކޮށްފައިވާކަން އެ ހެކިބަހުން އެނގެން އޮވެއެވެ. ހުށަހެޅިފައިވާ ހެކި ބަހަށާއި ކޯޓޭޝަންތަކަށް ބަލާއިރު، އެއްބަސްވުމާ އެއްގޮތަށް ވަޙީދު އިސްމާޢީލް ޢަމަލުކޮށްފައި ނުވުމުގެ ސަބަބުން ޝަމީމް ޢަބްދުﷲ އަބޫބަކުރުއަށް ގެއްލުންތަކެއް ވެފައިވާކަން އެނގެން އޮވެއެވެ.
ސުޕްރީމް ކޯޓުގެ ޙަސަން ޢަލީމަނިކު ވ. އަޙްމަދު ޖަނާޙް ޤަޟިއްޔާގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔުގައިވާ ފަދައިން "އެއްބަސްވުމާ ޚިލާފުވެގެން މަދަނީ މުޢާމަލާތްތަކުގައި ނަގައިދެވޭ ގެއްލުމުގެ ބަދަލަކީ ޢާންމު އުސޫލެއްގެ ގޮތުން ގެއްލުން ލިބުނު ފަރާތަށް ލިބުނު ގެއްލުން ފޫބެއްދުމަށްޓަކައި ނަގައިދެވޭ ބަދަލެކެވެ. އެއްބަސްވުމާ ޚިލާފުވި ފަރާތަށް އަދަބެއް ނުވަތަ ޢުޤޫބާތެއް ދިނުމުގެ ގޮތުން ފައިސާގެ މިންވަރެއް ނަގައިދިނުމެއްނޫނެވެ."
އެހެންކަމުން، މި މައްސަލައިގައި ޝަމީމް ޢަބްދުﷲ އަބޫބަކުރުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ހެކިތަކަށް ބަލާއިރު، ޕިކަޕަށް ގެއްލުންތަކެއް ވެފައިވާކަން މަދަނީ މިންގަނޑުން ސާބިތުވާކަން އެނގެން އޮންނާތީ، ޕިކަޕުގައި ބަނޑިވެފައިވާ ތަންތަން މަރާމާތު ކުރުމަށް -/12000ރ. (ބާރަހާސް) ރުފިޔާ އާއި ޕިކަޕް އެއަރކޯން މަސައްކަތަށް -/7550ރ. (ހަތްހާސް ފަސްސަތޭކަ ފަންސާސް) ރުފިޔާ ހޭދަވާނެކަމަށް ކަނޑައަޅައި އެއީ ޝަމީމް ޢަބްދުﷲ އަބޫބަކުރަށް ލިބުނު ގެއްލުމުގެ ބަދަލުގެ މިންވަރު ކަމަށް ބަލައި ބަދަލުގެ ގޮތުގައި ބުނެވުނު އަދަދު ނަގައިދީފައިވަނީ ދެފަރާތުން ވެފައިވާ އެއްބަސްވުމުގެ ދަށުން ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) އާ އެއްގޮތަށްކަމަށްވާތީ، ބުނެވުނު ޢަދަދު ބަދަލުގެ ގޮތުގައި ނަގައި ދިނުމަށް ސިވިލް ކޯޓުން ނިންމާފައިވަނީ ރަނގަޅަށްކަމުގައި އަހުރެންނަށް ބުރަވެވެއެވެ.
އަދި ސިވިލް ކޯޓުގެ ޙުކުމުގައި ރާއްޖެއިން ބޭރުން ތަކެތި ގެނައުމަށްޓަކައި 24,680/-ރ. (ސައުވީސްހާސް ހަސަތޭކަ އަށްޑިހަ ރުފިޔާ) ގެ ޚަރަދެއް ހޯދުމަށް ޝަމީމް ޢަބްދުﷲ އަބޫބަކުރު އެދިފައިވީނަމަވެސް، އެ ޢަދަދަކީ އެސްޓިމޭޓެއްގެ މައްޗަށް ހިސާބު ކުރެވިފައިވާ ޢަދަދަކަށްވާތީއާއި އެ އެސްޓިމޭޓުގައި ރާއްޖެއިން ލިބެން ނެތްތަކެތި ބަޔާންކުރުމަށްފަހު އެތަކެތީގެ އަގު ފަހުން ދެވޭނެކަމަށް ބުނެފައިވުމުން އެތަކެތީގެ އަގު މި މައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކުން ދެނެގަނެވެން ނެތްކަމަށްޓަކައި ބުނެވުނު ޢަދަދު ނަގައިދެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމާފައިވަނީ ރަނގަޅަށެވެ.
އިސްވެ ބަޔާންކުރެވުނު ސަބަބުތައް އެގޮތަށް ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/79 ޤަޟިއްޔާގައި އެ ކޯޓުން ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ކަމަށް އަހުރެން ދެކެމެވެ.
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު
މި މައްސަލައިގައި އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު
މި މައްސަލައިގައި އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެމަތިން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/79 ޤަޟިއްޔާގެ ޙުކުމް ބާޠިލްކޮށް، ސިވިލް ކޯޓުގެ ނަންބަރު 809/Cv-C/2011 ޤަޟިއްޔާގައި އެ ކޯޓުން ކޮށްފައިވާ ޙުކުމަށް ބަދަލުގެންނަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއްނެތް ކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައިފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
މަޙާޒު ޢަލީ ޒާހިރު އަޙްމަދު މުޢުތަޞިމް ޢަދުނާން ޙުސްނުއްސުޢޫދު
(ރިޔާސަތު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.