ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
[2021] SC 104 · 2020/SC-A/32

ނަން އުނި ކުރެވިފަ ވ. ނަން އުނިކުރެވިފަ

ސުޕްރީމް ކޯޓުދަށުކޯޓުގެ ނިންމުން ބާޠިލު
2 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 24 ނޮވެމްބަރު 2021ދަށު ކޯޓު: ފެމިލީ ކޯޓު (792/Fm-C/2018)ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
2019/HC-A/36، 792/Fm-C/2018
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ކުއްޖާގެ ބައްޕަ ފެމިލީ ކޯޓަށް ހުށަހެޅި 792/Fm-C/2018 ޤަޟިއްޔާއިން، ހުކުރު ދުވަހު 12:15 އިން 13:30 އަށާއި ހޮނިހިރު ދުވަހު 14:00 އިން 18:00 އަށް ކުއްޖާ ގެންދިއުމުގެ ފުރުޞަތު ބައްޕައަށް ދިނުމަށް އަންގައި ދެފަރާތަށް ނަޞޭޙަތްތެރިވިއެވެ. ބައްޕަ ކުރި އިސްތިއުނާފުގައި ހައިކޯޓުގެ 2019/HC-A/36 ޤަޟިއްޔާއިން ފެމިލީ ކޯޓުގެ ޙުކުމް ބާޠިލުކޮށް، ބައްދަލުކުރާ ވަގުތު އިތުރުކޮށް، ކުއްޖާގެ ކަންކަމުގައި ދެމައިންބަފައިންނަށް ހަމަހަމަ ފުރުޞަތު ދިނުމަށް ކަނޑައެޅިއެވެ. ކުއްޖާގެ މަންމަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރިއެވެ.
ވާޤިޢާ
ވަރިވެފައިވާ ދެމަފިރިންނަށް 2012 ވަނަ އަހަރު ލިބުނު ފިރިހެން ދަރިފުޅަކާ ބައްދަލުކުރުމުގެ މައްސަލައެކެވެ. ކުއްޖާއާ ބައްޕަ ދުރުކުރުމަށް މަންމަ މަސައްކަތްކުރާ ކަމަށް ބުނެ ބައްޕަ 25 ކަމެއް ފާހަގަކޮށް ޝަކުވާކުރިއެވެ. ފެމިލީ ކޯޓުގެ ޞުލްޙަ މަޖިލީހުގައި ދެފަރާތް އެއްބަސްވާ ޙައްލަކަށް ނާދެވުނެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ދަރިފުޅާ ބައްދަލުކުރުމަށް ކަނޑައެޅި ތާވަލާ ބެހޭ ވާޤިޢީ ޚުޞޫމަތަކީ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވޭ މިންގަނޑު ހަމަވާ މައްސަލައެއްތޯ، ނުވަތަ ތާވަލު މުރާޖަޢާކުރުމަށް ދަށުކޯޓަށް ހުށަހަޅަންޖެހޭ މައްސަލައެއްތޯ؟
ޚަޞްމުންގެ ހުށަހެޅުންތައް
ކުއްޖާގެ މަންމަ ބުނީ، ހައިކޯޓުން މައްސަލަ ނިންމީ ހުށަހެޅި، ބަހުސްކުރެވުނު ކަންކަމުގެ ބޭރުން ކަމަށާއި، އެއީ ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) އާއި ޤާނޫނުއަސާސީގެ 35 ވަނަ މާއްދާއާއި ހައިކޯޓުގެ ކުރީގެ ނިންމުންތަކާ ޚިލާފު ކަމަށެވެ. ކުއްޖާގެ ބައްޕަ ބުނީ، ހައިކޯޓުން ކުރީ ފެމިލީ ކޯޓުން ޖުމްލަކޮށް ކަނޑައެޅި ކަންކަން ޞުލްޙަ މަޖިލީހުގެ ރިޕޯޓަށް ބަލައި ތަފްޞީލުކުރުން ކަމަށާއި، މި އިސްތިއުނާފުގައި ޤާނޫނީ ނުކުތާއެއް ނެތް ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ސުޕްރީމް ކޯޓުން ކަނޑައެޅީ، ސުޕްރީމް ކޯޓުގައި މައްސަލައެއް އިސްތިއުނާފުކުރެވޭނީ ހައިކޯޓުގެ ޙުކުމް ބިނާވެފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް، ނުވަތަ ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ މާނަކުރުމުގައި ކުށެއް ހެދިފައިވާ ކަމަށް، ނުވަތަ ކަނޑައެޅިފައިވާ އިޖުރާއީ އައިބެއް ހުރިކަމަށް ޤަބޫލުކުރެވޭ ޙާލަތުގައި ކަމަށާއި، ސުޕްރީމް ކޯޓު މަރުޙަލާއަކީ މުޅި ދަޢުވާ އަލުން ބަލާ މަރުޙަލާއެއް ނޫން ކަމަށެވެ. ބައްދަލުކުރުމުގެ ތާވަލާ ބެހޭ ޚުޞޫމަތަކީ ވާޤިޢީ ކަމެއް ކަމަށާއި، ޢާއިޝާތު ސުހާނާ ވ. ޙުސައިން ޒަކީ ޤަޟިއްޔާގެ އުޞޫލުން ޙާލަތު ބަދަލުވުމުން ނުވަތަ ހިތްހަމަނުޖެހޭނަމަ ތާވަލު މުރާޖަޢާކުރުމަށް ދަށުކޯޓުގައި އަލުން ދަޢުވާކުރެވޭނެ ކަމަށް ކަނޑައެޅިއެވެ. އެހެންކަމުން، މި މައްސަލައަކީ ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 16 ވަނަ މާއްދާގެ ޙާލަތަކަށް ފެތޭ މައްސަލައެއް ނޫން ކަމަށް ބަލައި، ހައިކޯޓުގެ ޙުކުމް ބާޠިލުކޮށް، ތާވަލާމެދު ދަށުކޯޓަށް ހުށަހެޅުމުގެ ޙައްޤު ލިބިގެންވާ ކަމަށް އިއްތިފާޤުން ޙުކުމްކުރިއެވެ.

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

ހައިކޯޓުގެ ޙުކުމް ބާޠިލު؛ ތާވަލާމެދު ގޮތެއް ކަނޑައަޅައިދިނުމަށް ދަށުކޯޓަށް ހުށަހެޅުމުގެ ޙައްޤު ދެފަރާތަށް ލިބިގެންވޭ (އިއްތިފާޤުން)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ސުޕްރީމް ކޯޓުގައި މައްސަލައެއް އިސްތިއުނާފުކުރެވޭނީ ކަނޑައެޅިފައިވާ އިސްތިއުނާފީ މިންގަނޑު ހުރަސްކުރާ ޙާލަތުގައި އެކަންޏެވެ. މިގޮތުން، މި އިޚްތިޞާޞްގެ ދަށުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް އެދި ހުށަހަޅާނަމަ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމް ބިނާކުރެވިފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ޤަބޫލުކުރެވޭ ސަބަބަތަކެއް ނުވަތަ ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ ޤާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ޤަބޫލު ކުރެވޭ ސަބަބުތަކެއް ހުންނަންޖެހޭނެއެވެ. ނުވަތަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމުގެ ނުވަތަ ނިންމުމުގެ ކުރިއަށް އައި އިޖުރާޢަތެއްގައި ހިމެނުނު އަންނަނިވި ބާވަތްތަކުންކުރެ ބާވަތެއްގެ އައިބެއްގެ ސަބަބުން އެ ޙުކުމަށް ނުވަތަ ނިންމުމަށް އަސަރު ފޯރާފައި އޮންނަންޖެހޭނެއެވެ. (1) އަޑުއެހުން ބޭއްވުމަށް ޤާނޫނުގައި ކަނޑައެޅިފައިވާ ގޮތާ ޚިލާފުވެފައިވާ ކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއް ހުރުން؛ (2) ޙުކުމްކުރި ނުވަތަ ނިންމުން ނިންމި ފަނޑިޔާރަކީ އެ މައްސަލައެއް ބެލުމަށް ޝަރުޢީ ނުވަތަ ޤާނޫނީ ގޮތުން ހުރަސްއަޅާފަދަ ސަބަބެއް ވެދުވެރިވެފައިވާ ފަނޑިޔާރަކު ކަމުގައިވުން؛ (3) ކޯޓުގެ ސިއްކަ ޖަހަންޖެހޭ ލިޔުމެއްގައި އެ ސިއްކަ ޖަހާފައި ނެތުން ނުވަތަ ޙުކުމްކުރި ނުވަތަ ނިންމުން ނިންމި ފަނޑިޔާރެއްގެ ސޮއި ނެތުން؛ (4) ޙުކުމުގެ ނުވަތަ ނިންމުމުގެ ސަބަބުތައް ބަޔާންވެފައި ނެތުން؛ މިއެވެ.

HN2 ސުޕްރީމް ކޯޓު މަރުޙަލާއަކީ ފުރަތަމަ މަރުޙަލާގެ ކޯޓަށް ހުށަހެޅުނު މުޅި ދަޢުވާ އަލުން ބަލާ އުސޫލުން ނުވަތަ ފުރަތަމަ މަރުޙަލާގެ ކޯޓުން ކުރި ޙުކުމާ ގުޅޭ އެންމެހައި ޢުންޞުރުތަކާއި ވާޤިޢާތަކާއި ހެކި ވަޒަންކޮށްފައިވާ ގޮތާއި ޤާނޫނު ތަޠުބީޤު ކޮށްފައިވާ ގޮތާއި، މި އެންމެހައި ކަންކަން ބަލާ މަރުޙަލާއެއް ނޫންކަން ސުޕްރީމް ކޯޓުގެ އެޓަރނީ ޖެނެރަލްގެ އޮފީސް ވ. ޙުސައިން ރިޝީފް ޠާހާ ޤަޟިއްޔާއިން ވަނީ ކަނޑައަޅާފައެވެ.

HN3 މިފަދަ މައްސަލަތަކުގެ އިސްތިއުނާފީ މަރުޙަލާގައިވެސް ވާހަކަ ދެކެވި ބަހުސް ކުރެވެނީ މައްސަލައިގެ ވާޤިޢާ ތަކުގެ މައްޗަށެވެ. މިއީ ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުގެ އިޚްތިޞާޞް ތަރުތީބުވެފައި އޮތްގޮތަށް ބަލާއިރު، މައްސަލަ އިސްތިއުނާފުކޮށްގެން އިސްތިއުނާފީ މަރުޙަލާއިން ގޮތް ކަނޑައަޅަންޖެހޭ ބާވަތުގެ ކަންތައްތަކެއް ނޫނެވެ. މިފަދަ ވާޤިޔާތަކަކީ އެކަންކަން ދަށު ކޯޓަށް ހުށަހަޅައިގެން އެކަމުގެ މައްޗަށް ގޮތް ކަނޑައަޅަންޖެހޭ ބާވަތުގެ ކަންކަމެކެވެ. މިފަދަ މައްސަލަތައް އިސްތިއުނާފީ ކޯޓުތަކުން ބަލައި ގޮތެއް ކަނޑައަޅަންޖެހޭނީ ވަރަށް އިސްތިސްނާ ޙާލަތްތަކެއްގައެވެ. އެފަދަ އިސްތިސްނާ ޙާލަތެއް އޮތްތޯ ކަނޑައަޅާނީ މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންތައްތަކަށް ރިޢާޔަތްކުރުމާއެކު ކުއްޖާގެ މަޞްލަޙަތު ހިމާޔަތްކުރެވެންއޮތީ އެ މައްސަލަ އިސްތިއުނާފީ މަރުޙަލާއިން ބަލައި ގޮތެއް ކަނޑައެޅިގެންކަމަށް މައްސަލަ ބަލާ ފަނޑިޔާރުންނަށް ޤަބޫލުކުރެވޭ ޙާލަތްތަކުގައެވެ.

HN4 ޢާއިލީ މިފަދަ މައްސަލަތަކުގައި ކަނޑައެޅޭ މި ބާވަތުގެ ތާވަލުތަކަކީ ވަގުތާއި ޙަލާތާގުޅޭގޮތުން އެ ތާވަލު މުރާޖަޢާކޮށް ގޮތެއް ކަނޑައެޅުމުގެ ދޮރު ހުޅުވިގެންވާ މައްސަލަތަކެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ޢާއިޝާތު ސުހާނާ ވ. ޙުސައިން ޒަކީ ޤަޟިއްޔާގައި ޙަޟާނާތުގެ މައްސަލަތަކުގައި ބެލުން ޙަވާލުކުރި އިރު އޮތް ޙާލަތުގެ މައްޗަށް ކޯޓުން ޙުކުމް ކުރެއްވުމުން އޭގެފަހުން އެޙާލަތު ބަދަލުވެގެން ގޮސްފިނަމަ ދަށުކޯޓުގައި ޙަޟާނަތާއި މެދު އަލުން ދަޢުވާކުރުމަކީ އޮތް ޙައްޤެއް ކަމަށް ކަނޑައަޅުއްވާފައިވާ އުސޫލަކީ މިފަދަ ތާވަލުތައް މުރާޖާ ކުރުމުގެ ޚުޞޫމަތްތަކުގައި ވެސް ތަޠުބީޤުކުރެވެންޖެހޭނެ އުސޫލެއްކަމަށް އަހުރެން ދެކެމެވެ. މިހެންކަމުން، މި މައްސަލައިގައި ކޯޓުން ގޮތެއް ކަނޑައެޅި އިރު އޮތް ޙާލަތު އޭގެ ފަހުން ބަދަލުވެގެން ގޮސްފިނަމަ، ނުވަތަ ތާވަލާމެދު ކުއްޖާގެ ބައްޕަ ނުވަތަ ކުއްޖާގެ މަންމަ ހިތްހަމަ ނުޖެހޭނަމަ އެކަމެއް ފާހަގަކޮށް އަލުން ދަށުކޯޓުގައި ދަޢުވާކުރުމުގެ ޙައްޤު އޮންނާނެކަމަށް އަހުރެން ދެކެމެވެ.

HN5 މިފަދަ ތާވަލުތައް ކަނޑައެޅުމުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 35 ވަނަ މާއްދާއިން ކުޑަކުދިންނަށް ކަށަވަރު ކޮށްދީފައިވާ ޚާއްޞަ ރައްކާތެރިކަމަށާއި ދަރިންނާއި މައިންބަފައިންގެ މެދުގައިވާ ސިލަތުން އަރުހާމްގެ ގުޅުން ބަދަހިވާނެ ގޮތުގެ މައްޗަށް ދަށުކޯޓުން ރިޢާޔަތްކުރަންޖެހޭނެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
އަޙްމަދު މުޢުތަޞިމް ޢަދުނާން (ރިޔާސަތު)، ޙުސްނުއްސުޢޫދު، ޢަލީ ރަޝީދު ޙުސައިން
ރިޔާސަތު
އަޙްމަދު މުޢުތަޞިމް ޢަދުނާން
ރައުޔު ލިޔުނު ފަނޑިޔާރު
އަޙްމަދު މުޢުތަޞިމް ޢަދުނާން · ތާއީދުކުރެއްވީ: ޙުސްނުއްސުޢޫދު، ޢަލީ ރަޝީދު ޙުސައިން
ޚިލާފު ރައުޔު
ނެތް
މި ކޯޓުގައި
ހުށަހެޅުނީ 22 ސެޕްޓެމްބަރު 2019 · ރަޖިސްޓްރީކުރީ 27 ފެބުރުއަރީ 2020 · ނިމުނީ 24 ނޮވެމްބަރު 2021 (20.9 މަސް)

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

2020/SC-A/32

ޝަރީޢަތް ނިމުނުގޮތް

(ނަން އުނި ކުރެވިފަ) ވ. (ނަން އުނިކުރެވިފަ)

ފަނޑިޔާރުންގެ މަޖިލިސް

އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންފަނޑިޔާރު ޙުސްނުއް ސުޢޫދުފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންނިމުނު ތާރީޚު

24 ނޮވެމްބަރ 2021އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ

2019/HC-A/36

އިސްތިއުނާފު ރައްދުވާ ފަރާތް

އިސްތިއުނާފުކުރާ ފަރާތް

(ނަމާއި އެޑްރެސް އުނިކުރެވިފަ)(ނަމާއި އެޑްރެސް އުނިކުރެވިފަ)ޤާނޫނީ ވަކީލު: މުޙައްމަދު ފައިސަލް، ސިތާރާވާދީ، މ. މުލައް

ޤާނޫނީ ވަކީލު: ނޫރުއްސަލާމް އަބޫބަކުރު

އާއިލީ – ދަރިފުޅާ ބައްދަލު ކުރުމުގެ ވަގުތު ކަނޑައެޅުން – ފަނޑިޔާރުން މައްސަލަ ބެލުމުގައި ހެއްކާއި ޤަރީނާއަށް ރިޢާޔަތްކުރުން - ޤާނޫނުއަސާސީގެ 142 ވަނަ މާއްދާ

ނަން އުނިކުރެވިފަ) ވ. (ނަން އުނިކުރެވިފަ))[2021] SC 104

އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔު (ފަނޑިޔާރު ޙުސްނުއްސުޢޫދު އަދި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ތާއީދު ކުރައްވާފައި)

ތަޢާރުފު

1]ނަމާއި އެޑްރެސް އަދި އައިޑީ ކާޑު ނަންބަރު އުނިކުރެވިފަ[ (މީގެ ފަހުން "ކުއްޖާގެ ބައްޕަ" ނުވަތަ "އިސްތިއުނާފު ރައްދުވާ ފަރާތް") އާއި ]ނަމާއި އެޑްރެސް އަދި އައިޑީ ކާޑު ނަންބަރު އުނިކުރެވިފަ[ (މީގެ ފަހުން ކުއްޖާގެ މަންމަ" ނުވަތަ އިސްތިއުނާފު ކުރާ ފަރާތް") އާ ދެމީހުން ކައިވެނިކޮށްގެން 16 ޖަނަވަރީ 2012 ވަނަ ދުވަހު ފިރިހެން ދަރިއަކު (މީގެ ފަހުން "ކުއްޖާ" ނުވަތަ "ދަރިފުޅު") ލިބިފައިވެއެވެ. ކުއްޖާގެ ބައްޕަގެ މައިގަނޑު ޝަކުވާއަކީ، ކުއްޖާގެ ބައްޕައާ މި ދަރިފުޅު ދުރުކުރުމަށް ކުއްޖާގެ މަންމަ މަސައްކަތްކުރާކަމަށް ބުނެ ހުށަހެޅި ޝަކުވާއެވެ. މި ޚުޞޫމަތް ޝަރީޢަތް މެދުވެރިކޮށް ނުވަތަ ޝަރީޢަތް މެދުވެރިނުކޮށް، ސުލްހަވެރިކަމާއެކު ހައްލުކޮށްދިނުމަށް ކުއްޖާގެ ބައްޕަ ފެމިލީ ކޯޓުގައި އެދިފައިވެއެވެ. މި މައްސަލަ ބަލާފައިވަނީ ފެމިލީ ކޯޓުގެ ނަންބަރު 792/Fm-C/2018 ޤަޟިއްޔާއިންނެވެ. ފެމިލީ ކޯޓުގެ ނަންބަރު 792/Fm-C/2018 ޤަޟިއްޔާ ނިންމާފައިވާގޮތާ މެދު ކުއްޖާގެ ބައްޕަ ހިތްހަމަނުޖެހޭތީވެ މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިއެވެ. ދިވެހިރާއްޖޭގެ ހައިކޯޓަށް ކުއްޖާގެ ބައްޕަ ހުށަހެޅި އިސްތިއުނާފީ މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2019/HC-A/36 ޤަޟިއްޔާއިންނެވެ.

2މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/36 ޤަޟިއްޔާ ނިންމާފައިވާގޮތާމެދު ހިތްހަމަނުޖެހިގެން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ކުއްޖާގެ މަންމަ އެ މައްސަލަ އިސްތިއުނާފުކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެ މައްސަލަ ބަލައި ޙުކުމް ކުރި ޤަޟިއްޔާއެވެ.

ފެމިލީ ކޯޓުގައި ހިނގި ޝަރީޢަތް

3ކުއްޖާގެ ބައްޕަގެ ފަރާތުން 25 (ފަންސަވީސް) ކަމެއް ފާހަގަކޮށް ފެމިލީ ކޯޓުގައި ޝަކުވާކުރިއެވެ. މި ކަންކަމުގެ މައިގަނޑު ބިނާއަކީ ކުއްޖާގެ ބައްޕަ އާ އެކު ކުއްޖާއަށް އެކަށީގެންވާ ވަރަށް ވަގުތު ހޭދަކުރުމަށް ކުއްޖާގެ މަންމަ ފުރުޞަތު ފަހިކޮށްނުދޭތީ ކުއްޖާއާއި ކުއްޖާގެ ބައްޕަ އަދި ކުއްޖާގެ ބައްޕަގެ އާއިލާއާ ދުރުވަމުންދާކަމަށް ބުނެ މިކަން، ޝަރީޢަތް މެދުވެރިކޮށް ނުވަތަ ޝަރީޢަތް މެދުވެރިނުކޮށް ސުލްޙަވެރިކަމާއެކު ޙައްލުކޮށް ދިނުމެވެ. ދެމަފިރިންގެ ވަރީގެ މައްސަލައިގައި ދެފަރާތުން ވާހަކަ ދައްކައިގެން ދަރިފުޅުގެ ކަންކަން ރަނގަޅަށް ގެންދިއުމަށްޓަކައި ވާހަކަ ދެކެވިފައިވީނަމަވެސް، ވަރިވުމަށް ފަހު ކުއްޖާގެ މަންމަ ދެއްކި ވާހަކައާ އޭނާގެ ޢަމަލު ދިމާނުވާކަމަށް ކުއްޖާގެ ބައްޕަ ބުނެއެވެ.

4ފެމިލީ ކޯޓުގައި ކުއްޖާގެ މަންމަ ބުނަނީ ކުއްޖާގެ ބައްޕަ އެދިފައިވާ 25 (ފަންސަވީސް) ކަމަކީ މުޠުލަޤުގޮތެއްގައި ގޮތެއް ކަނޑައަޅައިދެވެން ހުރިކަންކަން ނޫންކަމަށް ކަނޑައަޅައިދިނުމަށެވެ. ކުއްޖާގެ ބައްޕަ އެދިފައިވާ ކަންކަމަކީ، ދަރިފުޅުގެ ޢުމުރު ހަގުވުމާއެކު މިހާލަތުގައި ކުރެވެންހުރި ކަންކަން ނޫންކަމަށެވެ.

5ފެމިލީ ކޯޓުން މި މައްސަލައިގައި ޞުލްޙަވެރި ޙައްލެއް ހޯދުމަށް މައްސަލައިގެ ދެފަރާތުން ޞުލްޙަ މަޖިލީހަށް ޙާޟިރުކޮށް ކުރެވުނު މަސައްކަތުން ދެފަރާތް އެއްބަސްވާ ސުލްޙަވެރި ހައްލަކާ ހަމައަށް އާދެވިފައެއް ނުވެއެވެ.

6ފެމިލީ ކޯޓުން މައްސަލަ ނިންމަވާފައިވަނީ ދަރިންނާއި މައިންބަފައިންގެ މެދުގައިވާ ސިލަތުލް އަރުހާމްގެ ގުޅުން ބަދަހިވާނީ ބައްޕައަށް ދަރިފުޅަށް ޒިޔާރަތްކުރެވި ދަރިފުޅާއެކު ވަގުތު ހޭދަކުރެވޭނެ ގޮތެއް އޮވެގެންކަމަށް ޝަރީޢަތަށް ފެންނާތީ، ކޮންމެ ހަފްތާއެއްގެ ހުކުރު ދުވަހެއްގެ މެންދުރު 12:15 އިން ފެށިގެން 13:30 އާ ހަމައަށް އަދި ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހު މެންދުރުފަހު 14:00 އިން ފެށިގެން ހަވީރު 18:00 އާއި ހަމައަށް ކުއްޖާގެ ބައްޕަ ބޭނުންވެއްޖެނަމަ ކުއްޖާ ގެންދިއުމަށް ކުއްޖާގެ ބައްޕައަށް ފުރުޞަތު ދިނުމަށް ކުއްޖާގެ މަންމައަށް އަންގައި، އަދި ކުއްޖާގެ ކިޔެވުމާއި ކެއިންބުއިމާއި ނިދުމާއި އަރާމުކުރުންފަދަ އަސާސީ ބޭނުންތަކަށް ހުރަސްނޭޅޭނެ ފަދައިން، ކުއްޖާއާ ބައްދަލުކުރުމާއި ކުއްޖާއާއެކު ވަގުތު ހޭދަކުރުމުގެ ފުރުޞަތު ކުއްޖާގެ ބައްޕައަށާއި ކުއްޖާގެ ބައްޕަގެ ފަރާތުގެ ޢާއިލާގެ މީހުންނަށް ދިނުމަށް ކުއްޖާގެ މަންމައަށް އަންގައެވެ. އަދި ކުއްޖާގެ ކަންކަން ކުއްޖާގެ ބައްޕައާ ހިއްސާކުރުމަށާއި ކުއްޖާގެ ކަންކަމުގައި ދެފަރާތުންވެސް ހިއްސާވެ މަޝްވަރާކުރުމަށާއި ދަރިފުޅުގެ ތަރުބިއްޔަތަށް ނޭދެވޭ އަސަރު ކުރާނެ އެއްވެސް ކަމެއް ނުކުރުމަށާއި، ދަރިފުޅުގެ އެންމެހައި ކަންކަމުގައި ދަރިފުޅުގެ މަޞްލަޙަތު އިސްކުރުމަށް ކުއްޖާގެ ބައްޕައަށާއި ކުއްޖާގެ މައްމައަށް ނަސޭހަތްތެރިވެއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގައި ހިނގި ޝަރީޢަތް

7ފެމިލީ ކޯޓުގެ ނަންބަރު 792/Fm-C/2018 ޤަޟިއްޔާ ނިންމާފައިވާގޮތާ މެދު ކުއްޖާގެ ބައްޕަ ހިތްހަމަނުޖެހޭތީވެ އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅީ 01 (އެކެއް) ނުކުތާ ފާހަގަކޮށެވެ. އެ ނުކުތާއަކީ ކުއްޖާއާއި ކުއްޖާގެ ބައްޕަ ބައްދަލުކޮށް ހޭދަކުރަންޖެހޭ ވަގުތު ކަނޑައަޅާފައިވަނީ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގެ ތަޞައްވުރާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

8ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމާފައިވަނީ ފެމިލީ ކޯޓުގެ ނަންބަރު 792/Fm-C/2018 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލުކަމަށް ކަނޑައަޅައެވެ.

9ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/36 ޤަޟިއްޔާގެ ޙުކުމް އިން އަހުރެންނަށް އަންނަނިވި ކަންކަން ފާހަގަ ކުރެވުނެވެ.

ފުރަތަމަ ކަމަކީ، ޢާއިލީ މައްސަލަތަކަކީ އެ މައްސަލައެއްގެ ވަށައިގެންވާ އެންމެހާ ކަންތައްތަކަށް ރިޢާޔަތްކުރެވި ކުއްޖާގެ މަޞްލަޙަތަށް އެންމެ ރަނގަޅު ގޮތް އިޚްތިޔާރުކުރަންޖެހޭ މައްސަލަތަކެއްކަން އެނގޭކަމަށާއި ދަރިންގެ ކަންކަން ނިންމުމުގައި ދަރިންގެ މަޞްލަޙަތަށް ރިޢާޔަތްކޮށް އެ ދަރިންގެ ޙައްޤަށްޓަކައި އެ ދަރިންގެ މަޞްލަޙަތު އެންމެ ބޮޑަށް ރައްކާތެރިވެވޭނެ ގޮތަކީ ކުއްޖާގެ މަންމައާއި ބައްޕައަށްވެސް ހަމަހަމަ ފުރުޞަތުތަކެއް ދިނުންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/36 ޤަޟިއްޔާގެ ފާހަގަކުރެވުނު ކަންކަމުގެ (ނ) ގައި ބުނެފައިވާކަން.

ދެވަނަ ކަމަކީ، ކުއްޖާގެ ބައްޕައާއި ކުއްޖާއާ ބައްދަލުކުރުމަށް ކޮންމެ ހަފްތާއެއްގެ ހުކުރު ދުވަހު ހެނދުނު 11:00 އިން ފެށިގެން ހަވީރު 18:00 އާ ހަމައަށް އަދި ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހު މެންދުރުފަހު 14:00 އިން ފެށިގެން ހަވީރު 18:00 އަށް އަދި ކޮންމެ ހަފްތާއެއްގެ އަންގާރަ ދުވަހު ހަވީރު 16:00 އިން ފެށިގެން 18:00 އާއި ހަމައަށް ކުއްޖާގެ ބައްޕަ ބޭނުންވެއްޖެނަމަ ކުއްޖާ ގެންދިއުމަށް ކުއްޖާގެ ބައްޕައަށް ފުރުޞަތު ދިނުމަށާއި، ކުއްޖާއާ ގުޅުން ހުރި ހުރިހާ ކަމެއްގައިވެސް ކުއްޖާގެ މަންމަ އެކޭ އެއްފަދައިން ކުއްޖާގެ ބައްޕައަށްވެސް ހަމަހަމަވާ އުޞޫލުން ކުއްޖާއާ ބައްދަލުކުރުމާއި، ވަގުތު ހޭދަކުރުމުގެ ޙައްޤު ލިބިގެންވާކަމަށް ކަނޑައަޅައިފައިވާކަން.

ތިންވަނަ ކަމަކީ، ކުއްޖާގެ ބައްޕައާ އެކު ދީނީ އަޅުކަންކުރުންފަދަ ކަންކަމުގައި ދެބަފައިން އެކީގައި އުޅުމުގެ ފުރުޞަތު ކުއްޖާގެ ބައްޕަ އަށް ލިބިގެންވާކަމަށާއި، ފަރުޟު ފަސް ނަމާދާއި، ހުކުރު ނަމާދާއި، ޢީދު ނަމާދަށް ކުއްޖާ ގޮވައިގެން ކުއްޖާގެ ބައްޕަ ދިއުންފަދަ ކަންކަމުގައި ކުއްޖާގެ މަންމަގެ ފަރާތުން އެއްވެސް ހުރަހެއް އަޅައިގެން ނުވާނެކަން.

ހަތަރުވަނަ ކަމަކީ، ކުއްޖާ ބަލިވެއްޖެނަމަ ކުއްޖާގެ ބައްޕައަށް އެކަން އެންގުމާއެކު ބޭސްފަރުވާގެ ކަންކަން ކުއްޖާގެ ބައްޕަގެ އެނގުމާއި ބެލުމުގެ ދަށުންކުރުން.

ފަސްވަނަ ކަމަކީ، ކުއްޖާގެ ސްކޫލުގެ ކަންތައްތަކުގައްޔާއި ކިޔެވުމާއި ބެހޭ އެންމެހާ ކަންތައްތަކުގައި ކުއްޖާގެ މަންމަ އެކޭ އެއްފަދައިން ކުއްޖާގެ ބައްޕަ އަށްވެސް ހަމަހަމަކަމާއެކު އެމިންވަރަށް ޝާމިލްވެ އެކުގައި އުޅުމުގެ ފުރުޞަތު ދޭންވާނެކަން.

ހަވަނަ ކަމަކީ، ސްކޫލު ބަންދު ދުވަސްތަކުގައްޔާއި ދިރާސީ އަހަރު ނިމުމުން ލިބޭ ދިގު ޗުއްޓީފަދަ ދުވަސްތަކުގައި ކުއްޖާއާއެކު ރާއްޖެއިން ބޭރަށް ދިއުންފަދަ ކަންކަމުގައި ކުއްޖާގެ މަންމަ އެކޭ އެއްފަދައިން ކުއްޖާގެ ބައްޕަ އަށްވެސް އެ ފުރުޞަތު ލިބިގެންވާކަން.

ހަތްވަނަ ކަމަކީ، ކުއްޖާގެ އެންމެހާ ކަންކަމުގައި ކުއްޖާގެ ބައްޕައާއި ކުއްޖާގެ މަންމަ ޞުލްޙަވެރިކަމާއެކު މަޝްވަރާކޮށް ކުއްޖާގެ މަޞްލަޙަތަށް އެންމެ ރަނގަޅުގޮތް ދެފަރާތުންވެސް އިޚްތިޔާރުކުރަންވާނެކަން.

އަށްވަނަ ކަމަކީ، އަދި ކުއްޖާގެ މަންމައާއި ބައްޕަގެ ފަރާތުން ކުއްޖާގެ މަޞްލަޙަތަށް އުނިކަމެއް އަތުވެދާނެފަދަ އެއްވެސް ކަމެއް ނުކުރުމަށް ކުއްޖާގެ މަންމަ އަށާއި ބައްޕަ އަށް އަންގާފައިވާކަން.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ކުރެވުނު އިސްތިއުނާފު

ކުއްޖާގެ މަންމަގެ ފަރާތުން އިސްތިއުނާފު ކުރި ނުކުތާ

10ކުއްޖާގެ މަންމަގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރީ 01 (އެކެއް) ނުކުތާއެވެ. އެ ނުކުތާގައި ބުނަނީ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރެވުނު އެ ކޯޓުގެ ނަންބަރު 2019/HC-A/36 ޤަޟިއްޔާ އެ ކޯޓުން ނިންމާފައި ވަނީ އެ ކޯޓަށް ހުށަހެޅި، ބެލި އަދި ބަހުސް ކުރެވުނު ކަންތައްތަކުގެ މައްޗަށް ނޫންކަމަށެވެ.

11ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުނު ނުކުތާ އިތުރަށް އޮޅުންފިލުވައިދެމުން ކުއްޖާގެ މަންމަ ބުނަނީ ފެމިލީ ކޯޓުގެ ނަންބަރު 792/Fm-C/2018 ޤަޟިއްޔާގައި ކުއްޖާގެ ބައްޕަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރީ އެންމެ ނުކުތާއެއް ފާހަކޮށް ކަމަށެވެ. އެ ނުކުތާއަކީ، ކުއްޖާގެ ބައްޕަ ކުއްޖާއާ ބައްދަލުކުރުމަށް ހުކުރު ދުވަހުގެ ވަގުތު ފެމިލީ ކޯޓުން ކަނޑައަޅުއްވާފައިވަނީ، ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގެ ތަޞައްވުރާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ އެކަނިކަމަށެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމުގައި ހުކުރު ދުވަހު ދަރިފުޅާ ބައްދަލުކުރުމުގެ ވަގުތުގެ ބޭރުންނާއި އިތުރުން، އަދި ފެމިލީ ކޯޓުގެ ޤަޟިއްޔާގައި ޞުލްޙައިގެ މަޖިލީހުގައި ވާހަކަ ދެކެވި ކަނޑައަޅުއްވާފައިވާ ކަންކަމުގެ ބޭރުންނާއި އިތުރުން، ބަހުސް ކުރެވިފައިނުވާ ކަންކަމުގެ މައްޗަށް ކުއްޖާގެ މަންމަ އަށް އަމުރުކޮށް ޙުކުމް ކުރުމަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 47/HC-A/2010 ޤަޟިއްޔާގެ ޚުލާޞާ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ (ނ) ގައި ކަނޑައަޅާފައިވާ އުޞޫލާއި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގައި، ފަނޑިޔާރުންގެ ކުރިމައްޗަށް ހުށަހެޅޭ ހެކި ޤަރީނާގެ މައްޗަށް ފަނޑިޔާރުން މައްސަލަ ނިންމަވަންޖެހޭކަމަށް އޮންނަ އުޞޫލާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 35 ވަނަ މާއްދާއިން ކުޑަކުދިންނަށް ޤާނޫނުއަސާސީއިން ކަށަވަރު ކޮށްދީފައިވާ ޚާއްޞަ ރައްކާތެރިކަމާއި ކުއްޖާގެ މަޞްލަޙަތަށް ބަލަންޖެހޭނެ ކަމަށް އޮންނަ އުޞޫލާ ޚިލާފަށްކަމަށެވެ.

12ކުއްޖާގެ މަންމަގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އެދިފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/36 ޤަޟިއްޔާގެ ޙުކުމް ބާޠިލުކޮށް ދިނުމަށެވެ.

ކުއްޖާގެ ބައްޕަގެ ފަރާތުން ދިން ރައްދު

13ދަޢުވާއަށް ރައްދުދެމުން ކުއްޖާގެ ބައްޕަ ބުނަނީ ފެމިލީ ކޯޓުގެ ނަންބަރު 792/Fm-C/2018 ޤަޟިއްޔާގެ ރިޕޯޓުގައި ބަޔާން ނުކުރާ ކަމެއްގެ މައްޗަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/36 ޤަޟިއްޔާއިން ގޮތެއް ކަނޑައަޅާފައި ނުވާކަމަށެވެ. ފެމިލީ ކޯޓުން ކަންކަން ބަޔާންކޮށްފައިވަނީ ވަރަށް ޖުމްލަގޮތެއްގައި ކަމަށާއި ދިވެހިރާއްޖޭގެ ހައިކޯޓުން ވަނީ އެކަންކަން އިތުރަށް ތަފްޞީލްކޮށްފައި ކަމަށެވެ.

14ދަޢުވާގެ ޖަވާބު އިތުރަށް ތަފްޞީލު ކޮށްދެމުން، ކުއްޖާގެ ބައްޕަ ބުނަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/36 ޤަޟިއްޔާ އެކޯޓުން ނިންމާފައިވަނީ ފެމިލީ ކޯޓަށް ހުށަހެޅުނު ކަންކަމަށާއި ޞުލްޙަ މަޖިލިސްތަކުގައި ދެކެވުނު ވާހަކަތަކަށް ރިޢާޔަތްކޮށް ފެމިލީ ކޯޓުން ތައްޔާރުކޮށްފައިވާ "ޢާއިލީ މައްސަލަތައް ޙައްލުކުރުމާބެހޭ ބައިގައި ޞުލްޙަކުރުމަށްޓަކައި ބޭއްވުނު ބައްދަލުވުމުގެ ރިޕޯޓް" އަށް ރިޢާޔަތް ކުރުމަށްފަހުގައިކަން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ (ނ) އިން އެނގެން އޮންނަ ކަމަށެވެ. މި މައްސަލައަކީ ޢާއިލީ މައްސަލައަކަށްވެފައި، ދަރިންގެ ޙައްޤުގައި ދަރިންގެ ކަންކަން ނިންމުމުގައި އެ ދަރިންގެ މަޞްލަޙަތު އެންމެ ބޮޑަށް ރައްކާތެރިކުރެވޭނެ ގޮތަކީ ކުއްޖާގެ މަންމައާއި ކުއްޖާގެ ބައްޕައަށް ހަމަހަމަ ފުރުޞަތުތަކެއް ދީގެންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 35 ވަނަ މާއްދާގެ ރޫޙާ އެއްގޮތަށް ދަރިފުޅުގެ ޙައްޤުގައި މަޞްލަޙަތު އެންމެ ބޮޑުގޮތަށްކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮންނަ ކަމަށެވެ. އަދި މިއީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާއާ ޚިލާފު ނިންމުމެއްތޯ ސުވާލު އުފައްދާނެ އެއްވެސް ޖާގައެއް ނެތްކަމަށެވެ.

15ކުއްޖާގެ ބައްޕަގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އެދެނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/36 ޤަޟިއްޔާގެ ޙުކުމަށް ތާޢީދުކޮށް ދިނުމަށެވެ.

އިސްތިއުނާފު ކުރި ނުކުތާގައި ޤާނޫނީ ބަހުސެއް އުފެދޭ ބާވަތުގެ ޤާނޫނީ ނުކުތާއެއް އޮތްތޯ ބެލުން.

16ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށް ތައުނު ކުރެވިފައިވަނީ ފެމިލީ ކޯޓުން ވަގުތު ކަނޑައެޅި ވާޤިޢީ ނުކުތާ އެއްކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/36 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުން އެނގެއެވެ. އެ ނުކުތާ އަކީ، ކޮންމެ ހަފްތާއެއްގެ ހުކުރު ދުވަހުގެ މެންދުރު 12:15 އިން ފެށިގެން 13:30 އާ ހަމައަށް ކުއްޖާގެ ބައްޕަ ބޭނުންވެއްޖެނަމަ ކުއްޖާ ގެންދިއުމަށް ކުއްޖާގެ ބައްޕައަށް ފުރުޞަތު ދިނުމެވެ. މި ނުކުތާއާމެދު ފެމިލީ ކޯޓުން ވަނީ ގޮތެއް ކަނޑައަޅާފައެވެ.

17ކުއްޖާގެ މަންމަގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/36 ޤަޟިއްޔާ އެ ކޯޓުން ނިންމާފައި ވަނީ އެ ކޯޓަށް ހުށަހެޅި، ބެލި އަދި ބަހުސް ކުރެވުނު ކަންތައްތަކުގެ މައްޗަށް ނޫންކަމަށެވެ. އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ކުރިމަތީގައި އޮތް ހަމައެކަނި ބަހުޘަކީ ކޮންމެ ހަފްތާއެއްގެ ހުކުރު ދުވަހުގެ މެންދުރު 12:15 އިން ފެށިގެން 13:30 އާ ހަމައަށް ކުއްޖާގެ ބައްޕައާ ކުއްޖާ ޙަވާލު ކުރުމާ މެދު ގޮތެއް ނިންމުމުގެ ބަހުޘް އެކަނި ކަމަށެވެ. ދިވެހިރާއްޖޭގެ ހައިކޯޓުން ގޮތެއް ނިންމާފައިވަނީ އޭގެ ބޭރުން ކަމަށެވެ.

18ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވޭ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2019/HC-A/36 ޤަޟިއްޔާ ނިންމާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ކުރީގެ ނިންމުމެއް ކަމަށްވާ އަޙްމަދު ޝަމީމް ވ. މުޙައްމަދު ވަޙީދު ޤަޟިއްޔާގެ ނިންމުމާ ޚިލާފަށް ކަމަށްވެސް ކުއްޖާގެ މަންމަގެ ފަރާތުން ފާހަގަކުރިއެވެ. އަދި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގައި، ފަނޑިޔާރުންގެ ކުރިމައްޗަށް ހުށެހެޅޭ ހެކި ޤަރީނާގެ މައްޗަށް ފަނޑިޔާރުން މައްސަލަ ނިންމަވަންޖެހޭކަމަށް އޮންނަ އުޞޫލާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 35 ވަނަ މާއްދާއިން ކުޑަކުދިންނަށް ޤާނޫނުއަސާސީއިން ކަށަވަރު ކޮށްދީފައިވާ ޚާއްޞަ ރައްކާތެރިކަމާއި ކުއްޖާގެ މަޞްލަޙަތަށް ބަލަންޖެހޭނެ ކަމަށް އޮންނަ އުޞޫލާ ޚިލާފަށްކަމަށެވެ. އަދި ކުއްޖާގެ ބައްޕަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ ކުއްޖާގެ ބައްޕަ ކުއްޖާއާ ބައްދަލުކުރުމަށް ކަނޑައެޅި ތާވަލާމެދު ހިތްހަމަ ނުޖެހޭތީ ތާވަލު މުރާޖާކުރަން ނޫންކަމަށާއި ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރީ ދަށުކޯޓުން ނިންމި ނިންމުމަށް ކުއްޖާގެ މަންމަ ޢަމަލު ނުކުރަނީ ކަމަށް ބުނެ ކަމަށެވެ. އަދި ކުއްޖާގެ ބައްޕަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރީ، ފެމިލީ ކޯޓުން ކަނޑައަޅާފައި އޮތް ވަގުތެއް އިސްލާމީ ޝަރީޢަތާ ޚިލާފުކަމަށް ދެކިގެން ކަމަށެވެ.

19ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ކުއްޖާގެ ބައްޕަ ބުނަނީ ފެމިލީ ކޯޓުގެ ނަންބަރު792/Fm-C/2018 ޤަޟިއްޔާގެ ރިޕޯޓުގައި ބަޔާން ނުކުރާ ކަމެއްގެ މައްޗަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/36 ޤަޟިއްޔާއިން ގޮތެއް ކަނޑައަޅާފައި ނުވާކަމަށެވެ. ފެމިލީ ކޯޓުން ކަންކަން ބަޔާންކޮށްފައިވަނީ ވަރަށް ޖުމްލަގޮތެއްގައި ކަމަށާއި ދިވެހިރާއްޖޭގެ ހައިކޯޓުން ވަނީ އެކަންކަން އިތުރަށް ތަފްޞީލް ކޮށްދީފައި ކަމަށެވެ. މި މައްސަލައިގައި ސީދާ ޤާނޫނީ ނުކުތާއެއް ނުވަތަ ޤާނޫނީ ބަހުޘެއް އޮތްކަމަށް ނުފެންނަކަމަށެވެ. އަދި އޮތީ ކުއްޖާއާއި ކުއްޖާގެ ބައްޕައާ ބައްދަލު ކޮށްދިނުމުގެ ފުރުޞަތު ފަހިކޮށްދިނުމާމެދު ގޮތެއް ކަނޑައެޅުން ކަމަށެވެ. ކުއްޖާގެ ބައްޕަ ހައިކޯޓަށް ހުށަހެޅީ ފެމިލީ ކޯޓުން ކުއްޖާއާއި ކުއްޖާގެ ބައްޕަ ބައްދަލުކުރުމަށް އެކަށީގެންވާ ގޮތަށް ވަގުތު ހަމަޖައްސައިދީފައި ނުވާތީ، އެކަން ކަމަށެވެ. އެހެންވެ، ފެމިލީ ކޯޓުގެ ނިންމުން މުރާޖަޢާކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުން، ކުއްޖާގެ ބައްޕައާއި ކުއްޖާއާ ބައްދަލުކުރެވޭނެ ގޮތަށް ވަގުތު ކަނޑައެޅީ ކަމަށެވެ. ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައެޅި ވަގުތާ މެދު ކުއްޖާގެ މަންމަ ހިތްހަމަނުޖެހޭތީ ކުއްޖާގެ މަންމަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރީ ކަމަށެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި ނުކުތާއާ ގުޅިގެން ޤާނޫނީ ނުކުތާއެއްގެ ގޮތުގައި ހަވާލާދޭނެ ވަކި ޤާނޫނެއް ނުވަތަ ޤާނޫނެއްގެ މާއްދާއެއް ބުނަން ދަތިކަމަށެވެ.

20އިސްތިއުނާފީ ފުރަތަމަ މަރުޙަލާކަމުގައިވާ ހައިކޯޓުގައި ދަށު ކޯޓުތަކުން ނިންމާ ނިންމުމެއް އިސްތިއުނާފު ކުރެވޭނީ އެ ނިންމުމެއް ޤާނޫނޫއަސާސީއާ ނުވަތަ ޤާނޫނަކާ، ނުވަތަ ޤާނޫނުން ބާރު ލިބިގެން ހަދާފައިވާ ޤަވާޢިދަކާ ޚިލާފުކަމަށް ޤަބޫލުކުރެވޭ ޙާލަތުގައެވެ. އަދި މިފަދަ ޙާލަތުގައި އެ ކޯޓުން މައްސަލަ ބަލާނީ ފުރަތަމަ މަރުޙަލާގެ ކޯޓުތަކުގައި ހުށަހެޅުނު ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެންނެވެ. ދަށު ކޯޓުގައި ހުށަހެޅުމުގެ ފުރުޞަތު ލިބިފައިނުވާ ހެކި، އިސްތިއުނާފުގެ މަރުޙަލާގައި ހުށަހެޅުމަކީ ކުރެވިދާނެކަމެވެ. އެހެންނަމަވެސް، މި މަރުޙަލާގައި ހައިކޯޓަށް ހުށަހެޅޭނީ ހަމައެކަނި ދަށު ކޯޓަށް ހުށަހެޅުމުގެ ފުރުސަތު ލިބިފައި ނުވާ ހެކިތަކެވެ. އަދި މިގޮތުން ހުށަހެޅޭ ހުށަހެޅުންތައް މި މަރުޙަލާގައި ބަލައި ވަޒަންކުރާއިރު ދަށު ކޯޓުގައި ނުބެލި ހުރި ކަންތައްތަކެއް ހުރިކަން ފާހަގަ ކުރެވޭ ޙާލަތުގައި އެ ކަންކަން ބެލުމަށް ދަށު ކޯޓަށް އަލުން މައްސަލަ ފޮނުވިދާނެއެވެ.

21ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާ ނިންމުމެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވިއްޖެނަމަ، އިސްތިސްނާ ޙާލަތެއްގައި މެނުވީ ސުޕްރީމް ކޯޓުން އެ މައްސަލައެއް ބަލައި ފައިޞަލާކުރަން ޖެހޭނީވެސް ދަށުކޯޓުގައި ހުށަހެޅުނު ހެކިތަކާއި ދިފާޢުތަކުގެ މައްޗަށެވެ. ސަބަބަކީ އިސްތިއުނާފީ މަރުޙަލާގައި އައު ހުށަހެޅުންތައް ހުށަހަޅައި އެއާ މެދު ތަޢުނުކުރުމުގެ ފުރުޞަތު ކޯޓުތަކުން ހުޅުވައިލައިފިނަމަ، ޖިނާއީ މައްސަލަތަކުގައްޔާއި މަދަނީ މައްސަލަތަކުގައި އިއްވާ ޙުކުމްތަކާއި ނެރޭ ކޯޓު އަމުރުތައް އިސްތިއުނާފަށް ހުށަހެޅުމުގައި ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ޙައްޤަށް ހަނިކަން ލިބިގެންދާނެތީއެވެ.

22HN1ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ޤަޟިއްޔާއެއް، ޤާނޫނުއަސާސީއާ ނުވަތަ ޤާނޫނަކާ ނުވަތަ ޤާނޫނަކުން ބާރުލިބިގެން ހަދާފައިވާ ގަވާއިދަކާ ޚިލާފުކަމަށް ޤަބޫލުކުރެވިގެން، އެކަން ފާހަގަކޮށް ހުށަހެޅޭ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިގެންވެއެވެ. އެހެންނަމަވެސް ކޮންމެކޮންމެ މައްސަލައަކީ މި އިޚްތިޞާޞްގެ ދަށުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވޭނެ މައްސަލައެއް ނޫނެވެ. ސުޕްރީމް ކޯޓުގައި މައްސަލައެއް އިސްތިއުނާފުކުރެވޭނީ ކަނޑައެޅިފައިވާ އިސްތިއުނާފީ މިންގަނޑު ހުރަސްކުރާ ޙާލަތުގައި އެކަންޏެވެ. މިގޮތުން، މި އިޚްތިޞާޞްގެ ދަށުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް އެދި ހުށަހަޅާނަމަ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމް ބިނާކުރެވިފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ޤަބޫލުކުރެވޭ ސަބަބަތަކެއް ނުވަތަ ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ ޤާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ޤަބޫލު ކުރެވޭ ސަބަބުތަކެއް ހުންނަންޖެހޭނެއެވެ. ނުވަތަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމުގެ ނުވަތަ ނިންމުމުގެ ކުރިއަށް އައި އިޖުރާޢަތެއްގައި ހިމެނުނު އަންނަނިވި ބާވަތްތަކުންކުރެ ބާވަތެއްގެ އައިބެއްގެ ސަބަބުން އެ ޙުކުމަށް ނުވަތަ ނިންމުމަށް އަސަރު ފޯރާފައި އޮންނަންޖެހޭނެއެވެ.

(1) އަޑުއެހުން ބޭއްވުމަށް ޤާނޫނުގައި ކަނޑައެޅިފައިވާ ގޮތާ ޚިލާފުވެފައިވާ ކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއް ހުރުން؛

(2) ޙުކުމްކުރި ނުވަތަ ނިންމުން ނިންމި ފަނޑިޔާރަކީ އެ މައްސަލައެއް ބެލުމަށް ޝަރުޢީ ނުވަތަ ޤާނޫނީ ގޮތުން ހުރަސްއަޅާފަދަ ސަބަބެއް ވެދުވެރިވެފައިވާ ފަނޑިޔާރަކު ކަމުގައިވުން؛

(3) ކޯޓުގެ ސިއްކަ ޖަހަންޖެހޭ ލިޔުމެއްގައި އެ ސިއްކަ ޖަހާފައި ނެތުން ނުވަތަ ޙުކުމްކުރި ނުވަތަ ނިންމުން ނިންމި ފަނޑިޔާރެއްގެ ސޮއި ނެތުން؛

(4) ޙުކުމުގެ ނުވަތަ ނިންމުމުގެ ސަބަބުތައް ބަޔާންވެފައި ނެތުން؛ މިއެވެ.

23HN2ސުޕްރީމް ކޯޓު މަރުޙަލާއަކީ ފުރަތަމަ މަރުޙަލާގެ ކޯޓަށް ހުށަހެޅުނު މުޅި ދަޢުވާ އަލުން ބަލާ އުސޫލުން ނުވަތަ ފުރަތަމަ މަރުޙަލާގެ ކޯޓުން ކުރި ޙުކުމާ ގުޅޭ އެންމެހައި ޢުންޞުރުތަކާއި ވާޤިޢާތަކާއި ހެކި ވަޒަންކޮށްފައިވާ ގޮތާއި ޤާނޫނު ތަޠުބީޤު ކޮށްފައިވާ ގޮތާއި، މި އެންމެހައި ކަންކަން ބަލާ މަރުޙަލާއެއް ނޫންކަން ސުޕްރީމް ކޯޓުގެ އެޓަރނީ ޖެނެރަލްގެ އޮފީސް ވ. ޙުސައިން ރިޝީފް ޠާހާ ޤަޟިއްޔާއިން ވަނީ ކަނޑައަޅާފައެވެ.

24މި މައްސަލައިގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުނު އިސްތިއުނާފީ ނުކުތާ އާއި މި މައްސަލައާގުޅިގެން ހުށަހެޅުނު ލިޔެކިޔުންތަކަށާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެއްކި ވާހަކަތަކަށް ބަލާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމް ބިނާކުރެވިފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ޤަބޫލުކުރެވޭ ސަބަބަތަކެއް ނުވަތަ ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ ޤާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ޤަބޫލު ކުރެވޭ ސަބަބުތަކެއް ހުށަހެޅިފައެއް ނެތެވެ. އެގޮތުން، މި މައްސަލައިގައި ކުއްޖާގެ މަންމަގެ ވަކީލާއި ކުއްޖާގެ ބައްޕަގެ ވަކީލު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެއްކި ވާހަކަތަކުން މިކަން ވަރަށް ސާފުކޮށް އެނގެއެވެ.

25HN3މި މައްސަލައަކީ ކުއްޖާގެ ބައްޕަ އަށް ކުއްޖާއާ ބައްދަލުކުރުމަށް ފެމިލީ ކޯޓުން އެކުލަވާލި ތާވަލު މުރާޖާ ކުރުމުގެ މައްސަލައެކެވެ. މިފަދަ މައްސަލަތަކުގެ އިސްތިއުނާފީ މަރުޙަލާގައިވެސް ވާހަކަ ދެކެވި ބަހުސް ކުރެވެނީ މައްސަލައިގެ ވާޤިޢާ ތަކުގެ މައްޗަށެވެ. މިއީ ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުގެ އިޚްތިޞާޞް ތަރުތީބުވެފައި އޮތްގޮތަށް ބަލާއިރު، މައްސަލަ އިސްތިއުނާފުކޮށްގެން އިސްތިއުނާފީ މަރުޙަލާއިން ގޮތް ކަނޑައަޅަންޖެހޭ ބާވަތުގެ ކަންތައްތަކެއް ނޫނެވެ. މިފަދަ ވާޤިޔާތަކަކީ އެކަންކަން ދަށު ކޯޓަށް ހުށަހަޅައިގެން އެކަމުގެ މައްޗަށް ގޮތް ކަނޑައަޅަންޖެހޭ ބާވަތުގެ ކަންކަމެކެވެ. މިފަދަ މައްސަލަތައް އިސްތިއުނާފީ ކޯޓުތަކުން ބަލައި ގޮތެއް ކަނޑައަޅަންޖެހޭނީ ވަރަށް އިސްތިސްނާ ޙާލަތްތަކެއްގައެވެ. އެފަދަ އިސްތިސްނާ ޙާލަތެއް އޮތްތޯ ކަނޑައަޅާނީ މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންތައްތަކަށް ރިޢާޔަތްކުރުމާއެކު ކުއްޖާގެ މަޞްލަޙަތު ހިމާޔަތްކުރެވެންއޮތީ އެ މައްސަލަ އިސްތިއުނާފީ މަރުޙަލާއިން ބަލައި ގޮތެއް ކަނޑައެޅިގެންކަމަށް މައްސަލަ ބަލާ ފަނޑިޔާރުންނަށް ޤަބޫލުކުރެވޭ ޙާލަތްތަކުގައެވެ.

26HN4HN5ހުށަހެޅިފައި މިވާ މައްސަލައަކީ، ކުއްޖާގެ ބައްޕައާ ދަރިފުޅު ދުރުކުރުމަށް ކުއްޖާގެ މަންމަ މަސައްކަތްކުރާކަމަށް ބުނެ ކުއްޖާގެ ބައްޕަގެ ފަރާތުން ހުށަހެޅި ޝަކުވާއަކާ ގުޅިގެން ދަރިފުޅުގެ ބައްޕައާއި މަންމައާދެމެދު ހަމަހަމަ އުސޫލަކުން ދަރިފުޅުގެ ކަންކަން ހަމަޖެއްސުމަށް އެކުލަވައިލެވުނު ތާވަލަކާ ގުޅިގެން އުފެދުނު ދެބަސްވުމަކާ ގުޅޭ މައްސަލައަކަށް ވެފައި، ޢާއިލީ މިފަދަ މައްސަލަތަކުގައި ކަނޑައެޅޭ މި ބާވަތުގެ ތާވަލުތަކަކީ ވަގުތާއި ޙަލާތާގުޅޭގޮތުން އެ ތާވަލު މުރާޖަޢާކޮށް ގޮތެއް ކަނޑައެޅުމުގެ ދޮރު ހުޅުވިގެންވާ މައްސަލަތަކެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ޢާއިޝާތު ސުހާނާ ވ. ޙުސައިން ޒަކީ ޤަޟިއްޔާގައި ޙަޟާނާތުގެ މައްސަލަތަކުގައި ބެލުން ޙަވާލުކުރި އިރު އޮތް ޙާލަތުގެ މައްޗަށް ކޯޓުން ޙުކުމް ކުރެއްވުމުން އޭގެފަހުން އެޙާލަތު ބަދަލުވެގެން ގޮސްފިނަމަ ދަށުކޯޓުގައި ޙަޟާނަތާއި މެދު އަލުން ދަޢުވާކުރުމަކީ އޮތް ޙައްޤެއް ކަމަށް ކަނޑައަޅުއްވާފައިވާ އުސޫލަކީ މިފަދަ ތާވަލުތައް މުރާޖާ ކުރުމުގެ ޚުޞޫމަތްތަކުގައި ވެސް ތަޠުބީޤުކުރެވެންޖެހޭނެ އުސޫލެއްކަމަށް އަހުރެން ދެކެމެވެ. މިހެންކަމުން، މި މައްސަލައިގައި ކޯޓުން ގޮތެއް ކަނޑައެޅި އިރު އޮތް ޙާލަތު އޭގެ ފަހުން ބަދަލުވެގެން ގޮސްފިނަމަ، ނުވަތަ ތާވަލާމެދު ކުއްޖާގެ ބައްޕަ ނުވަތަ ކުއްޖާގެ މަންމަ ހިތްހަމަ ނުޖެހޭނަމަ އެކަމެއް ފާހަގަކޮށް އަލުން ދަށުކޯޓުގައި ދަޢުވާކުރުމުގެ ޙައްޤު އޮންނާނެކަމަށް އަހުރެން ދެކެމެވެ. އަދި މިފަދަ ތާވަލުތައް ކަނޑައެޅުމުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 35 ވަނަ މާއްދާއިން ކުޑަކުދިންނަށް ކަށަވަރު ކޮށްދީފައިވާ ޚާއްޞަ ރައްކާތެރިކަމަށާއި ދަރިންނާއި މައިންބަފައިންގެ މެދުގައިވާ ސިލަތުން އަރުހާމްގެ ގުޅުން ބަދަހިވާނެ ގޮތުގެ މައްޗަށް ދަށުކޯޓުން ރިޢާޔަތްކުރަންޖެހޭނެއެވެ.

27އެހެންކަމުން، މި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމްތައް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވޭނެ ޙާލަތްތައް ކަމަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގައި ބުނާ ޙާލަތަކުން ކުރެ ޙާލަތަކަށް ފެތޭ މައްސަލައަކަށް ނުވެފައި، އަދި މި މައްސަލައިގައި ޚުޞޫމަތް އުފެދިފައިވާ ތާވަލު މުރާޖަޢާކުރުމަށްޓަކައި ދަށު ކޯޓަށް މައްސަލަ ހުށަހެޅުމުގެ ފުރުޞަތު ހުޅުވިގެންވާކަން އެނގެން އޮންނާތީ، މި މައްސަލައަކީ މި ކޯޓުން އިތުރަށް ބަލައި ގޮތެއް ކަނޑައަޅަންޖެހޭ ބާވަތުގެ މައްސަލައެއްކަމުގައި އަހުރެން ނުދެކެވެ.

2824 ނޮވެންބަރ 2021 ގައި މި މައްސަލައިގެ ހުކުމް ކުރުމަށް ބޭއްވޭ އަޑުއެހުމަށް 18 ނޮވެންބަރ 2021 ގައި ]ކުއްޖާގެ ބައްޕަ[ އަށް ކޯޓަށް ޙާޟިރުވުމަށް އަންގާ އަމުރު ފޮނުވުމުން، ބުނެވުނު އަމުރާ އެއްގޮތަށް އަޑުއެހުމަށް ހާޒިރުވެފައި ނުވާތީ، މި މައްސަލައިގެ ހުކުމް ކުރެވިފައިވަނީ ސުޕްރީމް ކޯޓުގެ ގަވާއިދު ގެ 90 ވަނަ މާއްދާގެ (ނ) ގައި ބަޔާންވެފައިވާ ގޮތުގެ މަތިން ]ކުއްޖާގެ ބައްޕަ[ ގެ ޣައިރު ޙާޟިރުގައެވެ. މި ޝަރީޢަތުގެ މަޖިލީހަށް ]ކުއްޖާގެ ބައްޕަ[ ގެ ވަކީލް ޙާޟިރުވިއެވެ.

ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔުމި މައްސަލައިގައި އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު

މި މައްސަލައިގައި އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/36 ޤަޟިއްޔާގައި އެ ކޯޓުން ކޮށްފައިވާ ޙުކުމް ބާޠިލް ކަމަށް ކަނޑައަޅައި، މި މައްސަލައަކީ، ކުއްޖާގެ މަންމައަށް ނުވަތަ ކުއްޖާގެ ބައްޕައަށް، ޚުޞޫމަތް އުފެދިފައިވާ ތާވަލާމެދު ގޮތެއް ކަނޑައަޅައި ދިނުމަށް އެދި ދަށު ކޯޓަށް ހުށަހެޅުމުގެ ޙައްޤު ލިބިގެންވާ މައްސަލައެއް ކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

ޙުސްނުއްސުޢޫދުއަޙްމަދު މުޢުތަޞިމް ޢަދުނާންޢަލީ ރަޝީދު ޙުސައިން(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 35 ވަނަ މާއްދާ
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 16 ވަނަ މާއްދާ
  • ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ގަވާއިދުގެ 90 ވަނަ މާއްދާގެ (ނ)
  • އެޓަރނީ ޖެނެރަލްގެ އޮފީސް ވ. ޙުސައިން ރިޝީފް ޠާހާ (ސުޕްރީމް ކޯޓު)
  • ޢާއިޝާތު ސުހާނާ ވ. ޙުސައިން ޒަކީ (ހައިކޯޓު)

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ