ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2019/HC-A/489

އިބްރާހީމް ޢަރީސް ވ. މުހައްމަދު ޢަލީ އަދި ޢަބްދުﷲ ޙަސަން

ދަށުކޯޓުގެ ނިންމުން ބާޠިލު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 2 ފެބުރުއަރީ 2025ދަށު ކޯޓު: ސިވިލް ކޯޓު 1697/Cv-C/2016ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 1697/Cv-C/2016
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ކުއްޔަށް ދީފައިވާ ފްލޯރތައް ޙަވާލުކޮށްދިނުމަށް އެދި ކުއްޔަށް ހިފި ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި، ދެ ފަރާތް އެއްބަސްވި ގޮތުގެ މަތިން، ޢިމާރާތުގެ އެންމެ މައްޗަށް އިން 3 ބުރި 31 އޯގަސްޓް 2016 ގެ ކުރިން ކުއްޔަށް ހިފި ފަރާތާ ޙަވާލުކުރުމަށް ތަނުގެ ވެރިފަރާތަށް އަންގައި ސިވިލް ކޯޓުން ޙުކުމްކުރިއެވެ.
ވާޤިޢާ
5 ބުރީގެ ޢިމާރާތެއްގެ މަތީ 3 ބުރި 1 ޖެނުއަރީ 2016 އިން ފެށިގެން 35 އަހަރަށް ކުއްޔަށް ދިނުމަށް 12 ޖުލައި 2011 ގައި އެއްބަސްވުމެއް ވެވުނެވެ. ތަނުގެ ވެރިފަރާތާއި އަލްމަރްޙޫމް ޢަލީ އިބްރާހީމްމަނިކާ ދެމެދު ވެފައިވާ އެއްބަސްވުންތަކުގެ ދަށުން އެ ފްލޯރތަކުގައި އޭނާގެ ކުލީގެ ޙައްޤު އޮތްކަމަށް ބުނެ، މައްސަލަ ހިނގިކަން ނޭނގުމުން ލަސްވެގެން، އޭނާގެ ވާރިޘަކު ހުއްދަ ހޯދައިގެން ޙުކުމް އިސްތިއުނާފުކުރިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ކުއްޔަށް ދިން ފްލޯރތަކުގެ މައްޗަށް ކުލީގެ ޙައްޤު އުފެދިފައިވާކަމަށް ބެލުމުގެ އިޙްތިމާލު އޮތް ތިންވަނަ ފަރާތެއް (އަލްމަރްޙޫމް ޢަލީ އިބްރާހީމްމަނިކު) ޚަޞްމެއްގެ ގޮތުގައި ނުހިމަނައި، އެ ފަރާތަށް ބަސްބުނުމުގެ ފުރުޞަތު ނުދީ، އެ ފްލޯރތައް އެހެން ފަރާތަކާ ޙަވާލުކުރުމަށް ދެ ފަރާތުގެ އެއްބަސްވުމުގެ މައްޗަށް ސިވިލް ކޯޓުން ކުރި ޙުކުމް ޤާއިމުކުރެވޭނެތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
އިސްތިއުނާފުކުރި ފަރާތުން ބުނީ، ޞައްޙަ އެއްބަސްވުމެއްގެ ދަށުން ޢަލީ އިބްރާހީމްމަނިކަށް ލިބިދޭ ކުލީގެ ޙައްޤު ގެއްލޭގޮތަށް ތިންވަނަ ފަރާތަކަށް ކުލީގެ ޙައްޤު އުފައްދާ އެއްބަސްވުމެއް ދެމެހެއްޓުމަށް ކުރި ޙުކުމަކީ ބާޠިލު ޙުކުމެއް ކަމަށާއި، ތަދައްޚުލުކުރުވައިގެން މައްސަލަ އަލުން ބެލުމަށް ތަޙުވީލުކުރަންވާނެ ކަމަށެވެ. ކުއްޔަށް ހިފި ފަރާތުން ބުނީ، ފްލޯރތައް ބޭނުންކުރެވިފައި ނުވާކަމަށާއި، ބޭނުންވަނީ އެއްބަސްވުން ބާޠިލުކުރުމަށް ކަމަށެވެ. ތަނުގެ ވެރިފަރާތުގެ ބަސް ނުލިބުމުން ޣައިރު ޙާޟިރުގައި މައްސަލަ ބެލިއެވެ.
ކޯޓުގެ ސަބަބުތައް
އިސްތިއުނާފުކުރެވުނު ޙުކުމްކުރިއިރުވެސް ފްލޯރއަކީ ޢަލީ އިބްރާހީމްމަނިކުގެ ކުލީގެ ޙައްޤު އުފެދިފައިވާ ފްލޯއެއްކަމުގައި ބެލުމުގެ އިޙްތިމާލު އޮތްކަމަށާއި، އޭނާގެ ޙައްޤާއި މަޞްލަޙަތު އޮވެދާނެ ކަމެއްގެ މައްޗަށް ނިންމި މައްސަލައެއްގައި އޭނާ ޚަޞްމެއްގެ ގޮތުގައި ނުހިމަނައި ބަސްބުނުމުގެ ފުރުޞަތު ނުދީ ނިންމާފައިވާތީ، މިއީ ސިވިލް ކޯޓުން އަލުން ބަލަންޖެހޭ މައްސަލައެއް ކަމަށް ކޯޓުން ބުންޏެވެ. އޭނާ ނިޔާވެފައިވާތީ ވާރިޘުން ހިމެނޭހެން އަލުން ބެލުމަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު (ޤާނޫނު ނަންބަރު 22/2010)ގެ 46 ވަނަ މާއްދާގެ (ށ)ގެ ދަށުން ތަޙުވީލުކުރިއެވެ.

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

ސިވިލް ކޯޓުގެ 1697/Cv-C/2016 ޤަޟިއްޔާގެ ޙުކުމް ބާޠިލުކޮށް، އަލްމަރްޙޫމް ޢަލީ އިބްރާހީމްމަނިކުގެ ވާރިޘުން ހިމެނޭހެން އަލުން ބެލުމަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު (ޤާނޫނު ނަންބަރު 22/2010)ގެ 46 ވަނަ މާއްދާގެ (ށ)ގެ ދަށުން ސިވިލް ކޯޓަށް ތަޙުވީލުކޮށްފި (އިއްތިފާޤުން)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ފަރާތެއްގެ ޙައްޤާއި މަޞްލަޙަތު ހިމެނިފައިވާ ކަމެއްގައި، އެ ފަރާތުގެ ޙައްޤު ޙިމާޔަތްކުރުމަށް ބަސްބުނުމުގެ ފުރުޞަތު ލިބި، އޭނާގެ ފަރާތުން ބަހެއްވެސް ފެންނަން އޮންނަންވާނެއެވެ.

HN2 ދަށުކޯޓަށް ހުށަހެޅުނު މައްސަލައަކީ ތިންވަނަ ފަރާތެއްގެ ޙައްޤާއި މަޞްލަޙަތު އޮވެދާނެކަމަށް ބެލެވޭ ކަމެއްގެ މައްޗަށް ގޮތް ނިމިފައިވާ މައްސަލައެއްކަމުގައިވާއިރު، އެ މައްސަލަ ހުށަހެޅިއިރު ޚަޞްމެއްގެ ގޮތުގައި އެ ފަރާތް ހިމަނާފައިނުވެ، އެ ފަރާތުގެ ޙައްޤު ޙިމާޔަތްކުރުމަށް ބަސްބުނުމުގެ ފުރުޞަތު ލިބިފައިނުވާނަމަ، އެ މައްސަލައަކީ ދަށުކޯޓުން އަލުން ބަލައި ގޮތެއް ނިންމަންޖެހޭ މައްސަލައެކެވެ.

ވަކީލުންނާއި ފަނޑިޔާރުން

އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
ސައްފާޙް މުޙައްމަދު
ބެންޗު
ފާޠިމަތު ފަރްހީޒާ (ރިޔާސަތު)، ޙުސައިން ޝަހީދު، މުޙައްމަދު ސަލީމް
ރިޔާސަތު
ފާޠިމަތު ފަރްހީޒާ
ރައުޔު ލިޔުނު ފަނޑިޔާރު
ފާޠިމަތު ފަރްހީޒާ · ތާއީދުކުރެއްވީ: ޙުސައިން ޝަހީދު، މުޙައްމަދު ސަލީމް
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ދިވެހިރާއްޖޭގެ ހައިކޯޓް

ދިވެހިރާއްޖެ

ޝަރީޢަތް ނިމުނުގޮތް

ޤަޟިއްޔާ ނަންބަރު: 2019/HC-A/489

އިސްތިއުނާފުކުރި ފަރާތް: އިބްރާހީމް ޢަރީޝް […] ކ.މާލެ

އިސްތިއުނާފު ރައްދުވި ފަރާތްތައް: 1- މުޙައްމަދު ޢަލީ […] ކ.މާލެ 2- ޢަބްދުﷲ ޙަސަން […]، ށ.ނޫމަރާ

މައްސަލައިގެ ބާވަތް: ބިމާއި ޢިމާރާތް ކުއްޔަށް ދިނުމާއިބެހޭ މައްސަލަ

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު ފާޠިމަތު ފަރްހީޒާ، އިސްފަނޑިޔާރު ޙުސައިން ޝަހީދު، ފަނޑިޔާރު މުޙައްމަދު ސަލީމް

ނިމުނު ތާރީޚް: 03 ޝަޢުބާން 1446 / 02 ފެބުރުއަރީ 2025

ހައިކޯޓުގައި ޤަޟިއްޔާ ރަޖިސްޓްރީ ކުރެވުނު ތާރީޚް: 26 މުޙައްރަމް 1441 / 25 ސެޕްޓެމްބަރު 2019

އިސްތިއުނާފުކުރެވުނު މައްސަލަ:

ނަންބަރު: 1697/Cv-C/2016

ނިންމި ތަން: ސިވިލް ކޯޓު

ބާވަތް: ބިމާއި ޢިމާރާތް ކުއްޔަށް ދިނުމާއިބެހޭ މައްސަލަ

ހުށަހެޅުނު ތާރީޚް: 15 އޯގަސްޓް 2016

ނިމުނު ތާރީޚް: 23 އޯގަސްޓް 2016

ހައިކޯޓުގެ ނަންބަރު 2019/HC-A/489 ޤަޟިއްޔާ

އިސްތިއުނާފުކުރި ފަރާތް: އިބްރާހީމް ޢަރީޝް؛ ޤާނޫނީ ވަކީލު: އޒ.ޞައްފާޙު މުޙައްމަދު

އިސްތިއުނާފު ރައްދުވި ފަރާތްތައް: 1- މުޙައްމަދު ޢަލީ […] ކ.މާލެ 2- ޢަބްދުﷲ ޙަސަން ށ.ނޫމަރާ، […]

މަދަނީ- ބިމާއި ޢިމާރާތް ކުއްޔަށް ދިނުން- ބަސް ހޯދުން- ތަޙުވީލް ކުރުން

ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔު

ތަޢާރުފު

1މިއީ، ސިވިލް ކޯޓުގެ ނަންބަރު 1697/Cv-C/2016 ޤަޟިއްޔާ އިސްތިއުނާފު ކޮށް […] ކ.މާލެ އިބްރާހީމް ޢަރީޝްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ މިކޯޓުގެ ނަންބަރު 2019/HC-A/489 ޤަޟިއްޔާގެ ނިންމުމެވެ.

2މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކަކީ، […]، ށ.ނޫމަރާ ޢަބްދުﷲ ޙަސަން އަދި […] ކ.މާލެ މުޙައްމަދު ޢަލީ އެވެ.

މައްސަލައިގެ ފަސްފަހަތް

3"މއ.ރިންސޯ އެވެ ކިޔުނު ގޯތިން މުޙައްމަދު ޢަލީއަށް ލިބިފައިވާ 372 އަކަފޫޓުގެ ބިމުގައި ކުރެވިފައިވާ 5 (ފަހެއް) ބުރީގެ ޢިމާރާތުގެ ތެރެއިން އެންމެ މައްޗަށް އިން 3 (ތިނެއް) ބުރި ކުއްޔަށް ދޫކުރުމުގެ އެއްބަސްވުން" މިނަމުގައި 12 ޖުލައި 2011 ވަނަ ދުވަހު […] ކ.މާލެ މުޙައްމަދު ޢަލީއާއި […]، ށ.ނޫމަރާ ޢަބްދުﷲ ޙަސަން އާއިދެމެދު އެއްބަސްވެވުނެވެ.

4އެއްބަސްވުމުގެ މުއްދަތަކީ، 1 ޖެނުއަރީ 2016 އިން ފެށިގެން މީލާދީ 35 (ތިރީސް ފަހެއް) އަހަރުގެ ދުވަހުގެ މުއްދަތު ކަމަށް އެއްބަސްވުމުގެ 2.1 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ.

ސިވިލް ކޯޓުގެ މަރުހަލާ

5އެއްބަސްވުމާއި އެއްގޮތަށް ފްލޯރތައް 01 ޖެނުއަރީ 2016 ގައި ޢަބްދުﷲ ޙަސަންއާއި ޙަވާލުކޮށްފައިނުވާތީ، މިފްލޯރތައް ޙަވާލުކޮށްދިނުމަށް މުޙައްމަދު ޢަލީގެ މައްޗަށް އަމުރުކޮށްދިނުން އެދި ޢަބްދުﷲ ޙަސަންގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ.

6އިސްތިއުނާފުން ބެލެވެމުން މިދަނީ ޢަބްދުﷲ ޙަސަންގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން ބެލި އެކޯޓުގެ ނަންބަރު 1697/Cv-C/2016 ޤަޟިއްޔާއެވެ.

7ސިވިލް ކޯޓުގެ ނަންބަރު 1697/Cv-C/2016 ޤަޟިއްޔާގައި ނިންމާފައިވަނީ، އަންނަނިވި ފަދައިންނެވެ. "ދެންފަހެ، 12 ޖުލައި 2011 ގައި […] ކިޔާ ގޯތިން […] / މާލެ މުޙައްމަދު ޢަލީ (ދރއ އަށް ލިބިފައިވާ ބައިގައި ކުރެވިފައިވާ 05 (ފަހެއް) ބުރި ޢިމާރާތުގެ އެންމެ މައްޗަށް އިން 3 (ތިނެއް) ބުރި ށ.ނޫމަރާ / ސާދީވިލާ، ޢަބްދުﷲ ޙަސަން (އައި.ޑީ އަށް ކުއްޔަށް ދިނުމާއި ގުޅިގެން މުޙައްމަދު ޢަލީއާއި އެކުވެފައިވާ އެއްބަސްވުމުގެ ދަށުން އެބައިތައް 01 ޖެނުއަރީ 2016 ގައި ޙަވާލުކުރުމަށް އެއްބަސްވެފައިވީނަމަވެސް މިހާތަނަށްވެސް ޙަވާލުކޮށްފައިނުވާތީ، މިފުލޯތައް މިހާރުން މިހާރަށް ޙަވާލުކޮށްދިނުމަށް މުޙައްމަދު ޢަލީގެ މައްޗަށް ޢަމުރުކޮށްދެއްވުމަށް އެދި ހުށަހަޅާފައިވާ މިދަޢުވާއާއި ގުޅިގެން […] ކިޔާ ގޯތިން މުޙައްމަދު ޢަލީއަށް ލިބިފައިވާ ބައިގައި ކުރެވިފައިވާ 05 (ފަހެއް) ބުރި ޢިމާރާތުގެ އެންމެ މައްޗަށް އިން 03 (ތިނެއް) ބުރި 31 އޯގަސްޓް 2016 ވަނަ ދުވަހުގެ ކުރިން ޢަބްދުﷲ ޙަސަން އާ ޙަވާލުކުރުމަށް އެއްބަސްވެ، ދަޢުވާކުރާ ފަރާތުން އެގޮތް ޤަބޫލުކޮށް، ދެފަރާތުން އެއްބަސްވުމަކަށް އައިސްފައިވާތީ، ދެފަރާތުގެ ދެމެދުގައި މިމައްސަލާގައި އެއްބަސްވި ގޮތުގެ މަތިން […] ކިޔާ ގޯތިން މުޙައްމަދު ޢަލީއަށް ލިބިފައިވާ ބައިގައި ކުރެވިފައިވާ 05 (ފަހެއް) ބުރި އިމާރާތުގެ އެންމެ މައްޗަށް އިން 03 (ތިނެއް) ބުރި 31 އޯގަސްޓް 2016 ވަނަ ދުވަހުގެ ކުރިން ޢަބްދުﷲ ޙަސަން އާ ޙަވާލުކުރުމަށް މުޙައްމަދު ޢަލީއަށް އަންގައި ޙުކުމްކޮށްފީމެވެ."

އިސްތިއުނާފުކުރުމުގެ ހުއްދައާއެކު މައްސަލަ ހުށަހެޅުން

8މިމައްސަލައަކީ އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދުމުގެ އިޖުރާއަތު ފުރިހަމަކޮށް، ހައިކޯޓުގެ ޤަވާޢިދުގެ 29 ވަނަ މާއްދާގެ (ނ) ގެ ދަށުން އިސްތިއުނާފު ކުރުމުގެ ހުއްދަ އާއެކު މިކޯޓަށް ހުށަހެޅިފައިވާ މައްސަލައެކެވެ. އެގޮތުން، މައްސަލަ އިސްތިއުނާފަށް ހުށަހެޅުން ލަސްވެފައިވާ މަޤްބޫލު ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ މައްސަލަ ސިވިލް ކޯޓުގައި ހިނގިކަމާއި ޙުކުމް ކުރިކަން އިސްތިއުނާފުކުރާ ފަރާތަށް އެނގިފައިނުވުމެވެ.

އިސްތިއުނާފީ ނުކުތާ އަދި ދެފަރާތުގެ ވާހަކަ

9ސިވިލް ކޯޓުގެ ނަންބަރު 1697/Cv-C/2016 ޤަޟިއްޔާގެ ނިންމުން އިސްތިއުނާފު ކުރުމަށް އެދި އިބްރާހީމް ޢަރީޝްގެ ފަރާތުން ހުށަހަޅާފައިވަނީ އަންނަނިވި ނުކުތާއެވެ. އެއީ؛

9.1. ސިވިލް ކޯޓްގެ ނަންބަރު 1697/Cv-C/2016 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ޤާނޫނީ ގޮތުން ޞައްޙަ އެއްބަސްވުމެއް އޮއްވައި އެ އެއްބަސްވުމުގެ ދަށުން އަލްމަރްޙޫމް ޢަލީ އިބްރާހީމްމަނިކަށް ލިބިދޭ ޙައްޤު ގެއްލޭގޮތަށް ތަނުގެ މައްޗަށް ތިންވަނަ ފަރާތެއްގެ ކުލީގެ ޙައްޤު އުފަންކުރުވުމަށް ހަދާފައިވާ އެއްބަސްވުމެއް ދެމެހެއްޓުމަށް ކުރައްވާފައިވާ ޙުކުމެއް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.

9.1.1. މިނުކުތާގެ ތަފްސީލުގައި އިބްރާހީމް ޢަރީޝްގެ ފަރާތުން ޚުލާސާ ގޮތެއްގައި ބުނެފައިވަނީ، […] 1، 2، 3 އަދި 4 ފްލޯރއަކީ 10 ޖުލައި 2000 އިން ފެށިގެން އަދާއި ހަމައަށް މެދުކެނޑުމެއް ނެތި ޞައްޙަ 3 އެއްބަސްވުމެއްގެ ދަށުން އަލްމަރްޙޫމް ޢަލީ އިބްރާހީމްމަނިކުގެ ކުލީގެ ޙައްޤު އުފަންވެ ތަންފީޒުވަމުން އަންނަ ފްލޯރތަކެއްކަމަށާއި، އެހެންކަމުން، […] ހަދާފައިވާ 5 ބުރީގެ އިމާރާތުގެ އެންމެ މައްޗަށް އިން 3 ބުރި ޢަބްދުﷲ ޙަސަން އަށް ކުއްޔަށްދިނުމާއި ގުޅޭގޮތުން 12 ޖުލައި 2011 ގައި މުޙައްމަދު ޢަލީ އާއި ޢަބްދުﷲ ޙަސަން އާދެމެދު އެއްބަސްވުމުގައި ސޮއިކުރިއިރުވެސް، މިފްލޯރތަކަކީ އެބައިތަކުގެ މައްޗަށް އަލްމަރްޙޫމް ޢަލީ އިބްރާހީމްމަނިކުގެ ކުލީގެ ޙައްޤު އުފަންވެ ދެމިގެންދާ ފްލޯރތަކެއް ކަމުން، ސިވިލް ކޯޓުގެ ނަންބަރު 1697/Cv-C/2016 ޤަޟިއްޔާއިން ކުރައްވާފައިވާ ޙުކުމަކީ ޤާނޫނީ ގޮތުން ވުޖޫދުވެ ހިނގަހިނގާ އޮތް ޞައްޙަ އެއްބަސްވުމެއްގެ ބާރު ކެނޑޭގޮތަށް އުފަންކުރުވާފައިވާ އެއްބަސްވުމެއް ދެމެހެއްޓުމަށް ކޮށްފައިވާ ޙުކުމެއްކަމުން މިއީ ބާޠިލް ޙުކުމެއް ކަމުގައި ކަނޑައަޅަންޖެހޭ ކަމުގައި ދެކޭކަމަށާއި، އަދި މިކޯޓުގެ ނަންބަރު 2019/HC-A/490 ޤަޟިއްޔާގައިވެސް ދާދިއެއްގޮތް ޚުސޫމާތެއްގައި އެޙުކުމް ބަދަލުކޮށް ތަޙްވީލްކޮށްފައިވާ ކަމަށެވެ.

9.1.1.1. މިނުކުތާގެ ރައްދުގައި ޢަބްދުﷲ ޙަސަން ބުނެފައިވަނީ، މުޙައްމަދު ޢަލީ އާއި ޢަބްދުﷲ ޙަސަންއާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން […] ގޭގެ އެއްވެސް ފްލޯރއެއް ޢަބްދުﷲ ޙަސަން ބޭނުންކުރެވިފައި ނުވާކަމަށާއި، ސިވިލް ކޯޓުގެ ޙުކުމާއި އެއްގޮތަށްވެސް ޢަމަލުކޮށްފައި ނުވާކަމަށާއި، […] ގޭގެ ހާލަތު ބެލިއިރު އެގެހުރީ އިންސާނުން ދިރިއުޅޭ ފެންވަރުގައި ނޫންކަމަށާއި، ޢަބްދުﷲ ޙަސަންގެ ސިއްޙީ ޙާލަތު ހުރި ގޮތުން މިހާރު ބޭނުންވަނީ ޢަބްދުﷲ ޙަސަން އާއި މުޙައްމަދު ޢަލީ ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން ބާޠިލްކުރުމަށްކަމަށެވެ.

އެދޭ ގޮތް

10އިސްތިއުނާފު ކުރެވިފައިވާ ސިވިލް ކޯޓުގެ ނަންބަރު 1697/Cv-C/2016 ޤަޟިއްޔާގައި، އިސްތިއުނާފު ކުރާ އިބްރާހީމް ޢަރީޝްގެ ފަރާތުން އެދިފައިވަނީ؛

10.1. ސިވިލް ކޯޓުގެ ނަންބަރު 1697/Cv-C/2016 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ބާޠިލް ޙުކުމެއްކަމުގައި ކަނޑައަޅައި ދިނުމަށާއި، އަދި

10.2. […] ހަދާފައިވާ 5 ބުރީގެ އިމާރާތުގެ އެންމެ މައްޗަށް އިން 3 ބުރި އިސްތިއުނާފު ރައްދުވާ ޢަބްދުﷲ ޙަސަން އަށް ކުއްޔަށްދިނުމާއި ގުޅޭގޮތުން 12 ޖުލައި 2011 ގައި މުޙައްމަދު ޢަލީ އާއި ޢަބްދުﷲ ޙަސަން އާ ދެމެދުގައި ސޮއިކުރި އެއްބަސްވުމަކީ އުފެދުމުގައިވެސް ބާޠިލް އެއްބަސްވުމެއްކަމުގައި ކަނޑައަޅައި ދެއްވައި، ނުވަތަ؛

10.3. އިސްތިއުނާފު ކުރާ ފަރާތް ތަދައްޚުލް ކުރުވައިގެން މިމައްސަލަ އަލުން ސިވިލް ކޯޓުގައި ކުރިއަށް ގެންދިޔުމަށް ތަޙްވީލްކޮށް ދިނުމަށެވެ.

މައްސަލަ ޣައިރު ޙާޟިރުގައި ހިންގުން

11އިސްތިއުނާފުން ބެލެވެމުންމިދާ މައްސަލައިގެ އަޑުއެހުން ކުރިއަށް ގެންދިޔުމަށްޓަކައި މިމައްސަލައިގެ އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ ތެރެއިން […] ކ.މާލެ މުޙައްމަދު ޢަލީއަށް "ކޯޓަށް ޙާޟިރުވުމުގެ އަމުރު" ރައްދު ކުރުމަށްޓަކައި މުޙައްމަދު ޢަލީގެ އެޑްރެސް ކަމަށް އިސްތިއުނާފު ފޯމުގައި ބަޔާންކޮށްފައިވާ އެޑްރެސް، […] އަށް މިކޯޓުގެ ކޯޓު އޮފިސަރ ދިޔުމުން، މިވަގުތު އޭނާ ދިރިއުޅެމުންދަނީ، މާލެއިން ބޭރުގައިކަމަށާއި، އޭނާ ދިރިއުޅޭ ވަކި އެޑްރެހެއް އަދި ފޯނު ނަންބަރެއް ނޭންގޭކަމަށް އެގެއިން މަޢުލޫމާތު ދީފައިވެއެވެ.

12އެހެންކަމުން، 25 ޖުލައި 2024 ގައި މިކޯޓުގައި ތާވަލްކުރެވުނު އަޑުއެހުން ބޭއްވިފައިވަނީ، އެދުވަހުގެ 10:00 އަށް މިކޯޓަށް މުޙައްމަދު ޢަލީ ޙާޟިރުވުމަށާއި، ޙާޟިރުނުވެއްޖެނަމަ މުޙައްމަދު ޢަލީ މިމައްސަލައިގައި ޖަވާބުދާރީވުމަށް ބޭނުންނުވާކަމަށް ބަލައި ހުށަހެޅިފައިވާ ލިޔުންތަކުގެ މައްޗަށް ބިނާކޮށް، މުޙައްމަދު ޢަލީގެ ޣައިރު ޙާޟިރުގައި މައްސަލަ ހިންގާ ނިންމާނެކަން އަންގާ އާންމުކޮށް އިޢުލާން ކުރުމަށްފަހުއެވެ. އަދި ޙުކުމްކުރެވިފައިވަނީވެސް މުޙައްމަދު ޢަލީ އަށް ޙުކުމްކުރުމުގެ މަޖިލީހަށް ޙާޟިރުވުމަށް އަންގާ އިއުލާން ކުރުމަށްފަހުއެވެ.

ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް

13[…] ކިޔާ ގޯތިން މުޙައްމަދު ޢަލީ އަށް ލިބިފައިވާ ބައިގައި ކުރެވިފައިވާ 5 (ފަހެއް) ބުރީގެ ޢިމާރާތުގެ އެންމެ މައްޗަށް އިން 3 (ތިނެއް) ބުރި ޢަބްދުﷲ ޙަސަން އަށް މީލާދީ 35 (ތިރީސް ފަހެއް) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމާ ގުޅޭގޮތުން މުޙައްމަދު ޢަލީ އާއި ޢަބްދުﷲ ޙަސަންއާ ދެމެދު 12 ޖުލައި 2011 ގައި އެއްބަސްވުމެއް ވެވިފައިވެއެވެ.

14އިސްތިއުނާފުން ބެލެވެމުން މިދާ ސިވިލް ކޯޓުގެ ނަންބަރު 1697/Cv-C/2016 ޤަޟިއްޔާގައި، "މއ.ރިންސޯ އެވެކިޔާ ގޯތިން މުޙައްމަދު ޢަލީއަށް ލިބިފައިވާ ބައިގައި ކުރެވިފައިވާ 05 (ފަހެއް) ބުރި ޢިމާރާތުގެ އެންމެ މައްޗަށް އިން 03 (ތިނެއް) ބުރި"، 31 އޯގަސްޓް 2016 ގެ ކުރިން ޢަބްދުﷲ ޙަސަން އާ ޙަވާލު ކުރުމަށް މުޙައްމަދު ޢަލީއަށް އަންގައި އެ ކޯޓުން ޙުކުމްކޮށްފައިވެއެވެ.

15[…] އެވެކިޔާ ގޯތީގައި ހަދާފައިވާ ޢިމާރާތުގެ އެކި ފްލޯރތައް ކުއްޔަށްދީ ކުއްޔަށް ހިފުމާ ގުޅޭގޮތުން މުޙައްމަދު ޢަލީއާ ކ.މާލެ […] އަލްމަރްޙޫމް ޢަލީ އިބްރާހީމްމަނިކު (މީގެ ފަހުން "ޢަލީ އިބްރާހީމްމަނިކު") އާއި ދެމެދު އެއްބަސްވުންތަކެއް ހެދިފައިވާ ކަމަށް އިސްތިއުނާފު ކުރާ އިބްރާހީމް ޢަރީޝްގެ ފަރާތުން ފާހަގަކުރެއެވެ. މިކަން ދަލާލަތުކޮށްދިނުމުގެ ގޮތުން "އެގްރީމަންޓް" މިނަމުގައިވާ ދެމުސްތަނަދެއް އިސްތިއުނާފު ކުރާ ފަރާތުން މިކޯޓަށް ހުށަހަޅާފައިވެއެވެ. މިގޮތުން، 10 ޖުލައި 2021 އިން ފެށިގެން 10 ޖުލައި 2031 އަށް އިމާރާތުގެ ހަތަރު ވަނަ ފަންގިފިލާ ޢަލީ އިބްރާހީމްމަނިކަށް ދެވިފައިވާ ކަމަށް ޑޮކިއުމަންޓް 5 ގެ ގޮތުގައި ހުށަހެޅިފައިވާ އެގްރީމަންޓްގެ 2.1 ވަނަ މާއްދާގައި ބަޔާންކުރެއެވެ.

16HN2އެހެންކަމުން، އިސްތިއުނާފުކުރެވިފައިވާ ޤަޟިއްޔާގެ ޙުކުމްކުރެވުނު އިރުވެސް ބުނެވިދިޔަ ފްލޯއަކީ ޢަލީ އިބްރާހީމްމަނިކުގެ ކުލީގެ ޙައްޤު އުފަންވެފައިވާ ފްލޯއެއްކަމުގައި ބެލުމުގެ އިހްތިމާލް އޮތް ކަމުގައި ބެލެވެއެވެ. ސިވިލް ކޯޓްގެ ނަންބަރު 1697/Cv-C/2016 ޤަޟިއްޔާގެ ދަށުން ބެލުނު މައްސަލައަކީ، ޢަލީ އިބްރާހީމްމަނިކުގެ ޙައްޤާއި މަޞްލަޙަތު އޮވެދާނެކަމަށް ބެލެވޭ ކަމެއްގެ މައްޗަށް ގޮތް ނިމިފައިވާ މައްސަލައެއްކަމުގައިވާއިރު، އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅިއިރު ޚަޞްމެއްގެ ގޮތުގައި ޢަލީ އިބްރާހީމްމަނިކު ހިމަނާފައިނުވެއެވެ.

17HN1އެހެންކަމުން މައްސަލައިގައި ޢަލީ އިބްރާހީމްމަނިކުގެ ޙައްޤު ޙިމާޔަތްކުރުމަށް ބަސްބުނުމުގެ ފުރުޞަތު ލިބިފައިނުވާއިރު، ޢަލީ އިބްރާހީމްމަނިކުގެ ޙައްޤާއި މަޞްލަޙަތު ހިމެނިފައިވާ ކަމެއްގައި، އޭނާގެ ފަރާތުން ބަހެއްވެސް ފެންނަން އޮންނަންވާނެ ކަމަށް ޤަބޫލުކުރެވޭތީ، މި މައްސަލައަކީ ސިވިލް ކޯޓުން އަލުން ބަލައި ގޮތެއް ނިންމަންޖެހޭ މައްސަލައެއްކަމަށް ދެކެމެވެ.

18ޢަލީ އިބްރާހީމްމަނިކު 31 ޖަނަވަރީ 2019 ގައި ވަނީ ނިޔާވެފައެވެ. އިސްތިއުނާފުކުރެވޭ ސިވިލް ކޯޓްގެ ނަންބަރު 1697/Cv-C/2016 ޤަޟިއްޔާ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ، އެމަރްޙޫމްގެ ވާރިޘެއްކަމުގައިވާ […] އިބްރާހީމް ޢަރީޝްއެވެ. އަލްމަރްޙޫމް ޢަލީ އިބްރާހީމްމަނިކުގެ ވާރިޘުންނަށް އިސްތިއުނާފީ މިމައްސަލަ ހިނގަމުންދާކަން އެނގޭކަން ބަޔާންކުރާ ލިޔުމެއް އިބްރާހީމް ޢަރީޝްގެ ފަރާތުން މިކޯޓަށް ހުށަހަޅާފައިވެއެވެ.

އިސްފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔު

19ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

ފަނޑިޔާރު މުޙައްމަދު ސަލީމްގެ ރައުޔު

20ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން

21މިޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައެވެ. މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް ޙަވާލުކުރާ ތާރީޚުން ފެށިގެންނެވެ. އެހެނަސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ.

ޙުކުމް

ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތީން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 1697/Cv-C/2016 ޤަޟިއްޔާގައި އެ ކޯޓުން ކުރައްވާފައިވާ ޙުކުމް ބާޠިލުކޮށް، އަލްމަރުޙޫމް ޢަލީ އިބްރާހީމްމަނިކުގެ ވާރިޘުން ހިމެނޭހެން، އެމައްސަލަ އަލުން ބެލުމަށް، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ މާއްދާގެ (ށ) ގެ ދަށުން ސިވިލް ކޯޓަށް ތަޙުވީލުކޮށް، މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

އިސްފަނޑިޔާރު ޙުސައިން ޝަހީދު

ފަނޑިޔާރު ފާޠިމަތު ފަރްހީޒާ (ރިޔާސަތު)

ފަނޑިޔާރު މުޙައްމަދު ސަލީމް

ފުޓްނޯޓު

  1. ދަށު ކޯޓަށް ހުށަހެޅުނު […] އެވެ ކިޔުނު ގޯތިން މުޙައްމަދު ޢަލީއަށް ލިބިފައިވާ 372 އަކަފޫޓުގެ ބިމުގައި ކުރެވިފައިވާ 5 (ފަހެއް) ބުރީގެ ޢިމާރާތުގެ ތެރެއިން އެންމެ މައްޗަށް އިން 3 (ތިނެއް) ބުރި ކުއްޔަށް ދޫކުރުމުގެ އެއްބަސްވުން
  2. 08 އޯގަސްޓް 2019 ވަނަ ދުވަހު އިބްރާހިމް ޢަރީޝްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ފޮނުވި ސިޓީ
  3. ނަންބަރު (IUL)95-B9/95/2024/45 (03 ޖުލައި 2024) މިކޯޓުގެ ވެބްސައިޓްގައި އިއުލާން އާންމުކުރެވިފައިވެއެވެ.
  4. ނަންބަރު (IUL)95-B9/2025/3 (27 ޖަނަވަރީ 2025) މިކޯޓުގެ ވެބްސައިޓްގައި އިއުލާން އާންމުކުރެވިފައިވެއެވެ.
  5. އައިޑީ
  6. އިސްތިއުނާފީ ފޯމާއެކު ޑޮކިއުމެންޓް 4 އަދި 5 ގެ ގޮތުގައި ހުށަހަޅާފައިވެއެވެ.
  7. ފެމިލީ ކޯޓުގެ ނަންބަރު 622/Fm-C/2019 – ވާރިޘުން ސާބިތުކުރުން
  8. 2 ޑިސެންބަރު 2024 ގައި އިބްރާހީމް ޢަރީޝްގެ ފަރާތުން މިކޯޓަށް ހުށަހެޅި "މައްސަލާގެ މަޢުލޫމާތު އެނގޭކަން ބަޔާންކުރާ ލިޔުން" ގައި ވާރިޘުންގެ ތެރެއިން "ޙައްވާ އާދަމް (މަންމަ)" ނިޔާވެފައި އަދި "މުޙައްމަދު ޢަރީޝް (ދަރިފުޅު)" "refused" މިފަދައިން ޖަހާފައިވޭ.
  9. މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021)ގެ 284 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރެއެވެ.
  10. މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021)ގެ 284 ވަނަ މާއްދާގެ (ހ)
  11. މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021)ގެ 284 ވަނަ މާއްދާގެ (ށ)
  12. މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021)ގެ 284 ވަނަ މާއްދާގެ (ނ)
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ހައިކޯޓުގެ ޤަވާޢިދުގެ 29 ވަނަ މާއްދާގެ (ނ) (އިސްތިއުނާފުކުރުމުގެ ހުއްދަ)
  • ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު (ޤާނޫނު ނަންބަރު 22/2010)ގެ 46 ވަނަ މާއްދާގެ (ށ)
  • މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021)ގެ 284 ވަނަ މާއްދާގެ (ހ)، (ށ)، (ނ) އަދި (ރ)
  • ހައިކޯޓުގެ 2019/HC-A/490 (އިސްތިއުނާފުކުރި ފަރާތުގެ ބަހުސްގައި)

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ