ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2023/HC-A-02/12

މޯލްޑިވްސް އިމިގްރޭޝަން

ދަށުކޯޓުގެ ނިންމުން ބާޠިލު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 4 މާރިޗު 2025ދަށު ކޯޓު: ސިވިލް ކޯޓު 144-B5-CR-4/CA/2020/3028ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 144-B5-CR-4/CA/2020/3028
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ސިވިލް ކޯޓުގެ 1877/Cv-C/2020 ސާބިތު ދަރަނީގެ މައްސަލައާ ގުޅިގެން، ސިވިލް ކޯޓުން 144-B5-CR-4/CA/2020/3028 (15 ޑިސެމްބަރު 2020) ކޯޓު އަމުރު ނެރެ، އެ މައްސަލައިގައި ދަޢުވާ ރައްދުވާ ފަރާތުގެ ޕާސްޕޯޓް ކެންސަލްކުރުމަށް މޯލްޑިވްސް އިމިގްރޭޝަނަށް އަމުރުކުރިއެވެ.
ވާޤިޢާ
ދައުލަތުން އެ އަމުރު އިސްތިއުނާފުކުރުމުން، ހައިކޯޓުގެ 2021/HC-A/16 އިން ދައުލަތަށް އިސްތިއުނާފުކުރުމުގެ ހައިސިއްޔަތު ނެތްކަމަށް ނިންމިއެވެ. ސުޕްރީމް ކޯޓުގެ 2022/SC-A/96 އިން އެ ޙުކުމް ބާޠިލުކޮށް، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ (ޤާނޫނު ނަންބަރު 22/2010) 18 ވަނަ މާއްދާގެ (ށ) ގެ ދަށުން މައުޟޫޢީ ގޮތުން ބެލުމަށް މައްސަލަ ހައިކޯޓަށް ތަޙުވީލުކުރިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ރަހުނެއް ނުހިމެނޭ ސާބިތު ދަރަނީގެ މުޢާމަލާތްތަކުގައި ޢަމަލުކުރަންވީ ގޮތުގެ ޤަވާޢިދުގެ 13 ވަނަ މާއްދާގެ (ބ) ގައިވާ، ސާބިތު ދަރަނި ނުދައްކާ ކުންފުނީގެ ޑިރެކްޓަރުންގެ ޕާސްޕޯޓް ހިފެހެއްޓުމުގެ ބާރުގެ ދަށުން، ސާބިތު ދަރަނީގެ މައްސަލައެއްގެ ތަންފީޛީ މަރުޙަލާގައި ދަރަނިވެރިއެއްގެ ޕާސްޕޯޓް ކެންސަލްކުރުމަށް މޯލްޑިވްސް އިމިގްރޭޝަނަށް އަމުރުކުރުމުގެ ބާރު ސިވިލް ކޯޓަށް ލިބިދޭތޯ (ސުޕްރީމް ކޯޓުގެ 2022/SC-A/96 އިން މައުޟޫޢީ ގޮތުން ބެލުމަށް ތަޙުވީލުކުރި މައްސަލަ).
ޚަޞްމުންގެ ހުށަހެޅުންތައް
ދައުލަތުން ބުނީ، ރަހުނެއް ނުހިމެނޭ ސާބިތު ދަރަނީގެ މުޢާމަލާތްތަކުގައި ޢަމަލުކުރަންވީ ގޮތުގެ ޤަވާޢިދުގެ 13 ވަނަ މާއްދާގެ (ބ) އިން ކޯޓަށް ލިބިދެނީ ސާބިތު ދަރަނި ނުދައްކާ ކުންފުނީގެ ޑިރެކްޓަރުން ރާއްޖެއިން ބޭރަށް ނުދެވޭނެ ގޮތަށް ޕާސްޕޯޓް ހިފެހެއްޓުމުގެ ބާރު ކަމަށާއި، ޕާސްޕޯޓް ކެންސަލްކުރުމުގެ ބާރު ނުލިބޭ ކަމަށާއި، ހިފެހެއްޓުމާއި ކެންސަލްކުރުމަކީ ތަފާތު ދެ ފިޔަވަޅު ކަމަށެވެ. ހައިކޯޓުގެ 2021/HC-A/100 ގެ ނިންމުމަށް ރިޢާޔަތްކުރަން ވެސް އެދުނެވެ.
ކޯޓުގެ ސަބަބުތައް
މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ (ޤާނޫނު ނަންބަރު 4/2011) 3 ވަނަ މާއްދާގެ (ނ) ގެ ދަށުން، ވަކި މާނައެއް ދޭހަވާ ނައްޞެއްގެ މާނަ ފުޅާކުރުމަކީ ނުވަތަ އޭގައި ނުހިމެނޭ ކަމެއް ހިމެނުމަކީ ރަނގަޅު ގޮތެއް ނޫނެވެ. ރަހުނެއް ނުހިމެނޭ ސާބިތު ދަރަނީގެ މުޢާމަލާތްތަކުގައި ޢަމަލުކުރަންވީ ގޮތުގެ ޤަވާޢިދުގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ޕާސްޕޯޓް ހިފެހެއްޓުމުގެ ވާހަކަ ކަމުން، ޕާސްޕޯޓް ކެންސަލްކުރެވޭ ގޮތަށް އެ މާއްދާ މާނަކުރުމަކީ އެ މާއްދާއިން ދީފައިވާ ބާރުގެ ޙުދޫދުގެ ތެރެއިން ކުރެވޭނެ ކަމެއް ނޫނެވެ. އެހެންކަމުން ސިވިލް ކޯޓުގެ އަމުރަކީ ޤަވާޢިދުން ކޯޓަށް ލިބިދޭ ބާރުގެ ބޭރުން ނެރެފައިވާ އަމުރެއްކަމަށް ކަނޑައަޅައި ބާޠިލުކުރިއެވެ.

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

ސިވިލް ކޯޓުގެ 144-B5-CR-4/CA/2020/3028 (15 ޑިސެމްބަރު 2020) ކޯޓު އަމުރު ބާޠިލުކޮށް ޙުކުމްކުރި (އިއްތިފާޤުން)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ނ) އަށް ބަލާއިރު، ބަހެއް، ނުވަތަ ޢިބާރާތެއް، ނުވަތަ ޖުމްލައެއް ބޭނުންކޮށްފައިވާ ގޮތުން، އޭގެން ވަކި މާނައެއް ދޭހަވާކަމަށްވާނަމަ، އެ ދޭހަވާ މާނަ އެއަށްވުރެ ފުޅާކުރުމަކީ ނުވަތަ އޭގައި ނުހިމެނޭ ކަންތައްތަކެއް އޭގައި ހިމެނުމަށް މަސައްކަތް ކުރުމަކީ، ރަނގަޅުގޮތެއް ނޫނެވެ.

HN2 ޤާނޫނުގައި ނުވަތަ ގަވާއިދުގައި ޞަރީޙަ ނައްސުން ބަޔާންކޮށްފައިނުވާކަމެއް ނުވަތަ ޤާނޫނުގައި ނުވަތަ ގަވާއިދުގައި ނުހިމެނޭކަމެއް، އެއަށް އިތުރުކުރުމަކީ ކޯޓަށް ލިބިދީފައިވާ ބާރު ފުޅާކުރުމުގެ އިތުރުން، ޤާނޫނުން ނުވަތަ ގަވާއިދުގެ މާއްދާގައި ނުހިމެނޭ ކަންތައްތަކެއް އޭގައި ހިމެނުމެވެ.

HN3 ރަހުނެއް ނުހިމެނޭ ސާބިތު ދަރަނީގެ މުޢާމަލާތްތަކުގައި ޢަމަލުކުރަންވީ ގޮތުގެ ޤަވާޢިދުގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ޕާސްޕޯޓް ހިފެހެއްޓުމަށް އަމުރު ކުރުމުގެ ވާހަކައެވެ. ޕާސްޕޯޓް ކެންސަލްކުރުމުގެ ވާހަކައެއް ނޫނެވެ. ޕާސްޕޯޓު ކެންސަލްކުރެވޭގޮތަށް އެމާއްދާ ތަރުޖަމާކުރުމަކީ، ޤާނޫނީގޮތުން ރަނގަޅު އަދި އެ މާއްދާއިން ދީފައިވާ ބާރުގެ ޚުދޫދުގެ ތެރެއިން ކުރެވޭނެ ކަމެއް ނޫނެވެ.

HN4 ރަހުނެއް ނުހިމެނޭ ސާބިތު ދަރަނީގެ މުޢާމަލާތްތަކުގައި ޢަމަލުކުރަންވީ ގޮތުގެ ޤަވާޢިދުން ކޯޓަށް ލިބިދޭ ބާރުގެ ބޭރުން ނެރެފައިވާ ޕާސްޕޯޓް ކެންސަލްކުރުމުގެ އަމުރަކީ، ބާޠިލްކުރަންޖެހޭ އަމުރެކެވެ.

ވަކީލުންނާއި ފަނޑިޔާރުން

އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
ލޫޠު މުޙައްމަދު
ބެންޗު
މުޙައްމަދު ޝަނީޒް ޢަބްދުﷲ (ރިޔާސަތު)، ޙަސަން ޝަފީޢު، ދީބާނާޒް ފަހުމީ
ރިޔާސަތު
މުޙައްމަދު ޝަނީޒް ޢަބްދުﷲ
ރައުޔު ލިޔުނު ފަނޑިޔާރު
މުޙައްމަދު ޝަނީޒް ޢަބްދުﷲ · ތާއީދުކުރެއްވީ: ޙަސަން ޝަފީޢު، ދީބާނާޒް ފަހުމީ
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ދިވެހިރާއްޖޭގެ ހައިކޯޓު

ދިވެހިރާއްޖެ

ޝަރީޢަތް ނިމުނުގޮތް

ޤަޟިއްޔާ ނަންބަރު: 2023/HC-A-02/12

އިސްތިއުނާފުކުރި ފަރާތް: މޯލްޑިވްސް އިމިގްރޭޝަން (ދިވެހި ދައުލަތް)

އިސްތިއުނާފު ރައްދުވި ފަރާތް: ނެތް

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:

ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ

ފަނޑިޔާރު ޙަސަން ޝަފީޢު

ފަނޑިޔާރު ދީބާނާޒް ފަހުމީ

ނިމުނު ތާރީޚް: 04 ރަމަޟާން 1446 / 04 މާރިޗު 2025

ހައިކޯޓުގައި ޤަޟިއްޔާ ރަޖިސްޓްރީ ކުރެވުނު ތާރީޚް: 05 ޖުމާދަލްއޫލާ 1445 / 19 ނޮވެމްބަރު 2023

އިސްތިއުނާފުކުރެވުނު މައްސަލަ:

ނަންބަރު: 144-B5-CR-4/CA/2020/3028

ނިންމި ތަން: ސިވިލް ކޯޓު

ބާވަތް: ކޯޓު އަމުރު

ހުށަހެޅުނު ތާރީޚް: -

ނިމުނު ތާރީޚް: 15 ޑިސެމްބަރު 2020

އިސްތިއުނާފުކުރި ފަރާތް: މޯލްޑިވްސް އިމިގްރޭޝަން (ދިވެހި ދައުލަތް)

ޤާނޫނީ ވަކީލު: ލޫޠު މުޙައްމަދު

އިސްތިއުނާފު ރައްދުވި ފަރާތް: ނެތް

ކޯޓު އަމުރު - ޕާސްޕޯޓް - ތަޙުވީލުކުރުން

ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲގެ ރައުޔު:

މައްސަލައިގެ ތަޢާރުފު:

1މިއީ، ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/96 ޤަޟިއްޔާއިން، ސިވިލް ކޯޓުގެ ނަންބަރު 144-B5-CR-4/CA/2020/3028 ކޯޓު އަމުރު އިސްތިއުނާފު ކުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/16 ޤަޟިއްޔާއިން، އެޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކޮށްފައިވާ ޙުކުމެއް ކަމުގައި ކަނޑައަޅައި، އެ ޙުކުމް ބާޠިލްކުރުމާއެކު، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ، މި މައްސަލައިގައި މައުޟޫއީ ގޮތުން އަލުން ބަލަންޖެހޭކަމަށް ކަނޑައެޅި ނުކުތާތައް ބެލުމަށް، ދިވެހިރާއްޖޭގެ ހައިކޯޓަށް މައްސަލަ ތަޙުވީލުކުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުން ބަލާފައިވާ ޤަޟިއްޔާއެކެވެ.

2އިސްވެ ބުނެވުނު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަޟިއްޔާގައި ޙުކުމް ކުރެއްވުމާ ގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 197-CR/95/2023/103 (19 ނޮވެމްބަރު 2023) ސިޓީން އެ މައްސަލައިގެ ޝަރީޢަތް ނިމުނުގޮތް އަދި މައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތައް މިކޯޓަށް ފޮނުވާފައިވެއެވެ.

މައްސަލައިގެ ކަންހިނގާފައިވާ ގޮތް

3ސިވިލް ކޯޓުގެ ނަންބަރު 1877/Cv-C/2020 ޤަޟިއްޔާއިން ބަލަމުންދިޔަ ސާބިތު ދަރަނީގެ މައްސަލައަކާ ގުޅިގެން އެ ޤަޟިއްޔާގައި ދައުވާ ރައްދުވާ ފަރާތް ކަމުގައިވާ މާލެ، އިބްރާހީމް ޙުސައިން ޒަކީގެ ޕާސްޕޯޓު ކެންސަލްކުރުމުގެ އަމުރެއް ސިވިލް ކޯޓުން ނެރެފައިވެއެވެ.

4ސިވިލް ކޯޓުގެ ނަންބަރު 144-B5-CR-4/CA/2020/3028 ކޯޓު އަމުރު އަމުރު މޯލްޑިވްސް އިމިގްރޭޝަންއަށް ރައްދުވާ ގޮތަށް ޕާސްޕޯޓް ކެންސަލް ކުރުމަށް އަންގާ އަމުރު ނެރުމާ ގުޅިގެން އެ އަމުރަކީ ޤާނޫނީ ހަމަތަކާ އެއްގޮތަށް ނެރެފައިވާ އަމުރެއް ނޫންކަމުގައި ދެކި އެ އަމުރު އިސްތިއުނާފުކުރުމަށް ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ. މި މައްސަލަ ބަލައި ގޮތެއް ނިންމާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/16 ޤަޟިއްޔާއިންނެވެ.

5މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/16 ޤަޟިއްޔާއިން ބަލައި ނިންމާފައިވަނީ އަންނަނިވި ފަދައިންނެވެ.

"ދެންފަހެ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތުގައި ހުރުމުން ސިވިލް ކޯޓުގެ ނަންބަރު 144-B5-CR-4/CA/2020/3028 ކޯޓު އަމުރު އިސްތިއުނާފުކުރުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުގެ ހައިސިއްޔަތު ދިވެހި ދައުލަތަށް (މޯލްޑިވްސް އިމިގްރޭޝަނަށް) ލިބިގެންނުވާކަމަށް ކަނޑައަޅައި ސިވިލް ކޯޓުގެ 144-B5-CR-4/CA/2020/3028 ކޯޓު އަމުރާމެދު ގޮތެއް ކަނޑައަޅަންޖެހޭ ޤާނޫނީ ސަބަބެއް ނެތްކަމަށް މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ."

6ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/16 ޤަޟިއްޔާއިން ނިންމާފައިވާ ނިންމުން ދިވެހި ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރިއެވެ. އެ މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2022/SC-A/96 ޤަޟިއްޔާއިންނެވެ.

7އެހެންކަމުން، މި މައްސަލަ ބެލިގެން މިދަނީ މި ކޯޓުގެ ނަންބަރު 2021/HC-A/16 ޤަޟިއްޔާގައި އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ މައުޟޫޢުގެ ތެރެއިން މި ކޯޓުގެ ނަންބަރު 2023/HC-A-02/12 ޤަޟިއްޔާއިންނެވެ. މި ޤަޟިއްޔާގައި ސިވިލް ކޯޓުގެ ނަންބަރު 144-B5-CR-4/CA/2020/3028 ކޯޓު އަމުރު އިލްތިމާސްކުރުމަށް އެދި ހުށަހަޅާ ފަރާތަކީ ދިވެހި ދައުލަތް (މީގެ ފަހުން "އިލްތިމާސްކުރި ފަރާތް" ނުވަތަ "ދިވެހި ދައުލަތް") އެވެ.

އިސްތިއުނާފީ ނުކުތާތައް

8ސިވިލް ކޯޓުގެ ނަންބަރު 144-B5-CR-4/CA/2020/3028 ކޯޓު އަމުރު ނިންމާފައިވާގޮތާމެދު ހިތްހަމަނުޖެހިގެން އެ އަމުރު އިސްތިއުނާފު ކުރުމަށް އެދި މޯލްޑިވްސް އިމިގްރޭޝަން (ދިވެހި ދައުލަތް) ގެ ފަރާތުން ހުށަހަޅާފައިވަނީ އަންނަނިވި 01 (އެކެއް) ނުކުތާއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާއަކީ؛

6.1 ސިވިލް ކޯޓުގެ ނަންބަރު 144-B5-CR-4/CA/2020/3028 ކޯޓު އަމުރަކީ ޙުކުމް ތަންފީޛު މަރުޙަލާގައި ނެރުއްވާފައިވާ އަމުރެއް ކަމުގައިވާތީ، އެ އަމުރުގައި އެ އަމުރު ރައްދުވާ ފަރާތުގެ ޕާސްޕޯޓު ކެންސަލްކުރުމަށް އަންގާފައިވަނީ ރަހުނު ނުހިމެނޭ ސާބިތު ދަރަނީގެ މުޢާމަލާތްތަކުގެ އަމަލުކުރަންވީގޮތުގެ ގަވާއިދުގެ 13 ވަނަ މާއްދާއާއި ޚިލާފަށްކަމަށް ދެކި ދައުލަތުން ހުށަހަޅާ ނުކުތާއެވެ.

9އިސްތިއުނާފީ ނުކުތާގެ ތަފްސީލުގައި ދައުލަތުގެ ފަރާތުން ފާހަގަކޮށްފައިވަނީ، ސާބިތު ދަރަނީގެ މައްސަލަތަކުގައި ފައިސާ ދައްކަންޖެހޭ ފަރާތަކީ ކުންފުންޏެއްފަދަ ޤާނޫނީ ޝަޚްސެއްނަމަ، އެ ކުންފުނީގެ ޑިރެކްޓަރުންނަށް ރާއްޖެއިން ބޭރަށް ނުދެވެނޭގޮތަށް އެ ފަރާތްތަކުގެ ޕާސްޕޯޓު ހިފެހެއްޓިދާނެކަމަށް ރަހުނު ނުހިމެނޭ ސާބިތު ދަރަނީގެ މުޢާމަލާތްތަކުގެ އަމަލުކުރަންވީގޮތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ބ) ބަޔާންކޮށްފައިވީނަމަވެސް، އެ މާއްދާގައި، ޕާސްޕޯޓެއް ކެންސަލް ކުރުމުގެ ބާރު ލިބިދީފައިނުވާކަމެވެ.

10މީގެ އިތުރުން މި މައްސަލަ ނިންމުމުގައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ 2021/HC-A/100 ނަންބަރު ޤަޟިއްޔާއަށް ރިޢާޔަތްކޮށްދިނުމަށް އެދޭކަމަށާއި، އެއީ މޯލްޑިވްސް އިމިގްރޭޝަންގެ ފަރާތުން އިސްތިއުނާފު ކޮށްފައިވާ މައްސަލައެއްކަމަށާއި، އެ މައްސަލައަށް ޙަވާލާދިނުމަށް ދައުލަތުން އެދޭ ސަބަބަކީ، އެ މައްސަލައަކީވެސް ރަހުނު ނުހިމެނޭ ސާބިތު ދަރަނީގެ މުޢާމަލާތްތަކުގެ އަމަލުކުރަންވީގޮތުގެ ގަވާއިދުގެ ދަށުން ސިވިލް ކޯޓުން ޕާސްޕޯޓު ކެންސަލް ކުރުމަށް ނެރެފައިވާ އަމުރަކީ ޤާނޫނީ އަސާސްތަކާ ޚިލާފަށް ނެރެފައިވާ އަމުރެއްކަމަށާއި، ޕާސްޕޯޓު ހިފެހެއްޓުމުގެ ފިޔަވަޅާއި، ޕާސްޕޯޓު ހިފެހެއްޓުމުގެ ފިޔަވަޅަކީ ދެ ފިޔަޅެއްކަމަށާއި، އަދި ރަހުނު ނުހިމެނޭ ސާބިތު ދަރަނީގެ މުޢާމަލާތްތަކުގެ އަމަލުކުރަންވީގޮތުގެ ގަވާއިދުގެ ދަށުން ޕާސްޕޯޓު ކެންސަލް ކުރުމުގެ ބާރު ސިވިލް ކޯޓަށް ލިބިދީފައި ނުވާކަމަށް އެ މައްސަލާގައި ކަނޑައަޅާފައިވާކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ.

އިސްތިއުނާފު ކުރާ ފަރާތުން އެދޭގޮތް

8ދައުލަތުގެ ފަރާތުން އެދެނީ ސިވިލް ކޯޓުން ނެރެފައިވާ ނަންބަރު 144-B5-CR-4/CA/2020/3028 ކޯޓު އަމުރަކީ ޤާނޫނީ އުސޫލުތަކާއި ޚިލާފަށް ނެރެދެއްވާފައިވާ އުސޫލެއްކަމުގައިވާތީވެ، މި އަމުރު ބާޠިލްކޮށްދެއްވުމަށެވެ.

ފާހަގަކުރެވުނު ކަންތައްތައް

9މި މައްސަލާގައި އަހުރެންގެ ކުރިމަތީގައި އޮތް ސުވާލަކީ، މީހެއްގެ ޕާސްޕޯޓު ކެންސަލްކުރުމަށް އަމުރުކުރުމުގެ ބާރު، ރަހުނެއް ނުހިމެނޭ ސާބިތު ދަރަނީގެ މުޢާމަލާތްތަކުގައި ޢަމަލުކުރަންވީ ގޮތުގެ ޤަވާޢިދުގެ 13 ވަނަ މާއްދާއިން ލިބިދޭތޯއެވެ.

10މިސުވާލުގެ ޖަވާބު ލިބިގަތުމަށް އަންނަނިވި ކަންކަމަށް ބަލާލެވިފައިވާނެއެވެ.

11ރަހުނެއް ނުހިމެނޭ ސާބިތު ދަރަނީގެ މުޢާމަލާތްތަކުގައި ޢަމަލުކުރަންވީ ގޮތުގެ ޤަވާޢިދުގެ 13 ވަނަ މާއްދާގައިވަނީ އަންނަނިވި ފަދައިންނެވެ.

13 ސާބިތު ދަރަންޏަށް ފައިސާދައްކަންޖެހޭ ފަރާތަކީ ކުންފުންޏެއްނަމަ، ތިރީގައިވާ ގޮތަށް އެކުންފުންޏަކާމެދު ޢަމަލުކުރުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވެއެވެ.

(ބ) ސާބިތު ދަރަންޏަށް ފައިސާ ނުދައްކާ ކުންފުނީގެ ޑިރެކްޓަރުން ރާއްޖެއިން ބޭރަށް ނުދެވޭގޮތަށް ޕާސްޕޯޓް ހިފެހެއްޓުން.

12ދަޢުލަތުގެ މައިގަނޑު ބަހުސަކީ، މަތީގައި ބަޔާންކުރެވުނު އަމުރުގެ ދަށުން ކުރެވޭނެކަމަކީ، ޕާސްޕޯޓް ހިފަހައްޓަން އެންގުންކަމަށާއި، ޕާސްޕޯޓް ކެންސަލްކުރުމަށް އަމުރުކުރުމުގެ ބާރު އެމާއްދާއިން ކޯޓަށް ލިބިދީފައިނުވާކަމުގައެވެ. ހަމައެހެންމެ، ޕާސްޕޯޓް ހިފެހެއްޓުމާއި ޕާސްޕޯޓް ކެންސަލް ކުރުމަކީ ތަފާތު ދެކަމެއް ކަމުގައެވެ.

13HN1މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ނ) އަށް ބަލާއިރު، ބަހެއް، ނުވަތަ ޢިބާރާތެއް، ނުވަތަ ޖުމްލައެއް ބޭނުންކޮށްފައިވާ ގޮތުން، އޭގެން ވަކި މާނައެއް ދޭހަވާކަމަށްވާނަމަ، އެ ދޭހަވާ މާނަ އެއަށްވުރެ ފުޅާކުރުމަކީ ނުވަތަ އޭގައި ނުހިމެނޭ ކަންތައްތަކެއް އޭގައި ހިމެނުމަށް މަސައްކަތް ކުރުމަކީ، ރަނގަޅުގޮތެއް ނޫންކަމަށް ބަޔާންކޮށްފައިވެއެވެ.

14HN2ޤާނޫނު އަދި ގަވާއިދުތަކުގެ މައްޗަށް މި މަބްދައު ތަޠުބީގުކުރުމުން، ޤާނޫނުގައި ނުވަތަ ގަވާއިދުގައި ޞަރީޙަ ނައްސުން ބަޔާންކޮށްފައިނުވާކަމެއް ނުވަތަ ޤާނޫނުގައި ނުވަތަ ގަވާއިދުގައި ނުހިމެނޭކަމެއް، އެއަށް އިތުރުކުރުމަކީ ކޯޓަށް ލިބިދީފައިވާ ބާރު ފުޅާކުރުމުގެ އިތުރުން، ޤާނޫނުން ނުވަތަ ގަވާއިދުގެ މާއްދާގައި ނުހިމެނޭ ކަންތައްތަކެއް އޭގައި ހިމެނުމެވެ.

15HN3މި މައްސަލައަށް ބަލާއިރު، ރަހުނެއް ނުހިމެނޭ ސާބިތު ދަރަނީގެ މުޢާމަލާތްތަކުގައި ޢަމަލުކުރަންވީ ގޮތުގެ ޤަވާޢިދުގެ 13 ވަނަ މާއްދާގައި "ރާއްޖެއިން ބޭރަށް ނުދެވޭގޮތަށް ޕާސްޕޯޓް ހިފެހެއްޓުން"ގެ ޝަރުތު ހިމަނާފައިވުމުން، އެ މާއްދާ މާނަކުރުމުގައި، އެމާއްދާއިން ވަކި މާނައެއް ދޭހަވާނަމަ، އެއަށްވުރެ އެ މާނަ ފުޅާކުރުމަކީ، ނުވަތަ އޭގައި ނުހިމެނޭ ކަންތައްތަކެއް ހިމެނުމަކީ، ބަޔާންވެދިޔަ މަބްދައަށް ރިޢާޔަތްކުރާއިރު ރަނގަޅުގޮތެއްކަމަކަށް އަހުރެން ނުދެކެމެވެ.

16ސާބިތު ދަރަނީގެ މުޢާމަލާތަކާ ގުޅިގެން ޕާސްޕޯޓް ކެންސަލްކުރުމުގެ އިޚްތިޔާރު ކޯޓުތަކަށް ލިބިދޭ ޤާނޫނީ ނައްސެއް އޮތްނަމަ އެކަން އެގޮތަކަށް ކުރުމަކީ އެންމެ ރަނގަޅު ކަމެކެވެ. އެހެންނަމަވެސް، ރަހުނެއް ނުހިމެނޭ ސާބިތު ދަރަނީގެ މުޢާމަލާތްތަކުގައި ޢަމަލުކުރަންވީ ގޮތުގެ ޤަވާޢިދުގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ޕާސްޕޯޓް ހިފެހެއްޓުމަށް އަމުރު ކުރުމުގެ ވާހަކައެވެ. ޕާސްޕޯޓް ކެންސަލްކުރުމުގެ ވާހަކައެއް ނޫނެވެ. އެހެންކަމުން، ޕާސްޕޯޓު ކެންސަލްކުރެވޭގޮތަށް އެމާއްދާ ތަރުޖަމާކުރުމަކީ، ޤާނޫނީގޮތުން ރަނގަޅު އަދި އެ މާއްދާއިން ދީފައިވާ ބާރުގެ ޚުދޫދުގެ ތެރެއިން ކުރެވޭނެ ކަމެއް ކަމުގައި ނުދެކެމެވެ.

މައްސަލަ ނިންމަން ފެންނަގޮތް

17HN4އިސްވެ ބަޔާންކުރަނިވި ނުކުތާތައް އެގޮތަށް ހުރުމުން، ދައުލަތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާއަށް ރިޢާޔަތްކޮށް، ސިވިލް ކޯޓުގެ ނަންބަރު 144-B5-CR-4/CA/2020/3028 ކޯޓު އަމުރަކީ ރަހުނެއް ނުހިމެނޭ ސާބިތު ދަރަނީގެ މުޢާމަލާތްތަކުގައި ޢަމަލު ކުރަންވީ ގޮތުގެ ޤަވާޢިދުން ކޯޓަށް ލިބިދޭ ބާރުގެ ބޭރުން ނެރެފައިވާ އަމުރެއްކަމުން، އެ އަމުރު ބާޠިލްކުރަންޖެހޭ ކަމަށް އަހުރެންނަށް ޤަބޫލުކުރެވެއެވެ.

ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔު

18މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރައުޔަށް އަހުރެން ތާއިދުކުރަމެވެ.

ފަނޑިޔާރު ދީބާނާޒް ފަހުމީގެ ރައުޔު

19މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރައުޔަށް އަހުރެން ތާއިދުކުރަމެވެ.

އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން

20މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައެވެ. މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރާ ތާރީޚުން ފެށިގެންނެވެ. އެހެނަސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ.

ޙުކުމް

ދެންފަހެ، ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމުން، އިސްތިއުނާފުކުރި ފަރާތުން ހުށަހަޅާފައިވާ ނުކުތާއަށް ރިޢާޔަތްކޮށް، ސިވިލް ކޯޓުގެ ނަންބަރު 144-B5-CR-4/CA/2020/3028 (15 ޑިސެންބަރު 2020) ކޯޓު އަމުރަކީ ބާޠިލް ކޯޓު އަމުރެއްކަމަށް މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށް މިޤަޟިއްޔާ ނިންމީމެވެ.

މިޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

ފަނޑިޔާރު ޙަސަން ޝަފީޢު

ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ (ރިޔާސަތު)

ފަނޑިޔާރު ދީބާނާޒް ފަހުމީ

ފުޓްނޯޓު

  1. ޤާނޫނު ނަންބަރު 4/20211 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ނ)
  2. ކޯޓުން މައްސަލައިގެ ޙުކުމްކުރުމަށްފަހު، އެ ޙުކުމް އިސްތިއުނާފުކުރުމުގެ ޙައްޤު ލިބިގެންވާކަމާއި، އިސްތިއުނާފުކުރެވޭނެ ކޯޓާއި، އިސްތިއުނާފުކުރަންޖެހޭ ވަގުތު ޚަޞްމުންނަށް ސާފުކޮށްދޭންވާނެކަމާއި، އަދި މިކަން ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައި އޮންނަންވާނެކަމުގައި މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021) ގެ 268 ވަނަ މާއްދާގައި ބަޔާންކުރެއެވެ.
  3. މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021) ގެ 284 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރެއެވެ.
  4. މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021) ގެ 284 ވަނަ މާއްދާގެ (ހ)
  5. މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021)ގެ 284 ވަނަ މާއްދާގެ (ށ)
  6. މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021)ގެ 284 ވަނަ މާއްދާގެ (ނ)
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ