މޯލްޑިވްސް އިމިގްރޭޝަން (ދިވެހި ދައުލަތް)
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- މޯލްޑިވްސް އިމިގްރޭޝަނަށް ރައްދުވާ ގޮތަށް މީހެއްގެ ޕާސްޕޯޓު ކެންސަލްކުރުމަށް ސިވިލް ކޯޓުން ނެރުނު އަމުރަކީ ޤާނޫނީ އިމުގެ ބޭރުން ނެރެފައިވާ އަމުރެއް ކަމަށް ދެކޭނަމަ، އެ އަމުރު އިސްތިއުނާފުކުރުމުގެ ހައިސިއްޔަތު ނުވަތަ މަސްލަހަތު ދައުލަތަށް ލިބިގެންވޭތޯ.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- 2021/HC-A/16
- ފަހުގެ ތާރީޚު
- —
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުހައިކޯޓުގެ 2021/HC-A/16 ޤަޟިއްޔާގެ ޙުކުމް ބާޠިލު؛ ސިވިލް ކޯޓުގެ އަމުރަކީ ޤާނޫނީ އިމުގެ ތެރެއިން ނެރެފައިވާ އަމުރެއްތޯ ކަނޑައެޅުމަށް މައްސަލަ ހައިކޯޓަށް ތަޙްވީލު (އިއްތިފާޤުން)
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
ޤާނޫނަކުން ހަނިކޮށްފައި ނުވާނަމަ، އިސްތިއުނާފު ކުރުމުގެ ޙައްޤު މާނަކުރަންވާނީ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއާއެކު 16، 68 އަދި 69 ވަނަ މާއްދާތަކަށް ރިޢާޔަތްކޮށް، ޙައްޤު ކަށަވަރުކޮށްދިނުމުގެ ގޮތުން، އަދި އެ ޙައްޤުގެ މަންފާ އެންމެ ފުޅާމިނުގައި ލިބިދެވޭ ފަދައަކުން، އެ ޙައްޤު ނިގުޅައިގަނެވޭނެ ނުވަތަ ހަނި ނުކުރެވޭނެ ފަދައަކުންނެވެ. (ޕެރ. 12)
ދަށު މަރުހަލާގެ ކޯޓުގެ ނިންމުމެއް ކަމާބެހޭ އިސްތިއުނާފީ ކޯޓެއްގައި އިސްތިއުނާފު ކުރުމުގެ ޙައްޤަކީ ދުނިޔޭގެ އެންމެހައި ޤާނޫނީ ނިޒާމުތަކުގައި އިސްތިޤުރާރުވެފައިވާ ޤާނޫނީ ޢާންމު މަބްދައެކެވެ. (ޕެރ. 13)
ކޯޓަކުން ނެރޭ އަމުރަކީ އެ އަމުރު ނެރުނު ކޯޓަކުން ނުވަތަ އިސްތިއުނާފީ ކޯޓަކުން ބާޠިލު ނުކުރާހާ ހިނދަކު، އަމުރުގެ ބާރު ދެމި އޮންނާނެ އަމުރެކެވެ؛ ދަށު ކޯޓަކުން ނެރެފައިވާ އަމުރަކީ ޤާނޫނަކާ ނުވަތަ ޤަވާޢިދަކާ ޚިލާފު އަމުރެއް ކަމަށް ޤަބޫލުކުރެވޭ ޙާލަތުގައި ޤާނޫނުން ލިބިދީފައި އޮންނަ ފަރުވާއަކީ، ކަމުގެ މަސްލަހަތު އޮތް ފަރާތަކުން އެކަން ފާހަގަކޮށް މައްސަލަ ހުށަހެޅުމެވެ. (ޕެރ. 19)
ޤާނޫނީ ނިޒާމު މިފަދައިން ރޭވިފައިވަނީ ކޯޓުތަކަށް ލިބިގެންވާ ބާރު ނެގެހެއްޓުމާއި، ކޯޓެއްގެ ނިންމުމުގައި ޤާނޫނީ ނުވަތަ އިޖުރާއީ ކުށެއް ހެދިފައިވާނަމަ އެކަން ރަނގަޅުކުރުމުގެ ފުރުސަތު ދިނުމަށެވެ؛ ނިންމުމަކީ ޤާނޫނާ ޚިލާފު ނިންމުމެއް ކަމަށް ފެންނަ ފަރާތަކަށް އެ ނިންމުމާ އެއްގޮތަށް އަމަލު ނުކުރުމުގެ ފުރުސަތު ހުޅުވިގެން ދިއުމަކީ ކޯޓުތަކުގެ ބާރު ކެނޑި ޤާނޫނުގެ ވެރިކަމަށް ނޭދެވޭ އަސަރުކުރާނެ ކަމެކެވެ. (ޕެރ. 20)
ކޯޓު އަމުރެއް ރައްދުވާ ނުވަތަ އެ އަމުރުގައިވާ ފިޔަވަޅު އަޅަންޖެހޭ ފަރާތަށް އެ އަމުރަކީ ޤާނޫނީ އިމުގެ ބޭރުން ނެރެފައިވާ އަމުރެއް ކަމުގައި ބެލެވޭ ޙާލަތުގައި، އެ އަމުރަށް ތަބާނުވެ ނުވަތަ ސަމާލުކަން ނުދީ ބޭއްވުމުގެ ބަދަލުގައި ޤާނޫނީ ނިޒާމުގެ ތެރެއިން ޖެހޭނީ އެ އަމުރު އިސްތިއުނާފު ކުރާށެވެ. (ޕެރ. 22)
ކޯޓުތަކުގައި މޯލްޑިވްސް އިމިގްރޭޝަން ތަމްސީލުކުރާނީ ދައުލަތުގެ ބަންޑާރަ ނާއިބު ކަމުގައިވާތީ، އިމިގްރޭޝަނަށް ރައްދުވާ ގޮތަށް ނެރުނު އަމުރަކީ ޤާނޫނާ ޚިލާފު އަމުރެއް ކަމުގައި ދެކިގެން ހުށަހަޅާ މައްސަލައެއްގައި، ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގެ ދަށުން އެ އަމުރު އިސްތިއުނާފު ކުރުމުގެ ހައިސިއްޔަތު ނުވަތަ މަސްލަހަތު ދައުލަތުގެ ކިބައިގައި އޮތްކަމަށް ބަލަންޖެހޭނެއެވެ. (ޕެރ. 23)
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާ، 68 ވަނަ މާއްދާ އަދި 69 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 133 ވަނަ މާއްދާގެ (ނ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާ އަދި 271 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 14/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 20 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރު
- ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ށ)، 38 ވަނަ މާއްދާ އަދި 43 ވަނަ މާއްދާ
- 2018/SC-A/40 (އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް މެލޭޝިޔާ ވ. ވަން އެންޑް ހާފް ޑިގްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް)
ފަނޑިޔާރުން
- ބެންޗު
- ޢާއިޝާ ޝުޖޫން މުޙައްމަދު (ރިޔާސަތު)، ޢަލީ ރަޝީދު ޙުސައިން، ޑރ. މުޙައްމަދު އިބްރާހީމް
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢާއިޝާ ޝުޖޫން މުޙައްމަދު · ތާއީދުކުރެއްވީ: ޢަލީ ރަޝީދު ޙުސައިން، ޑރ. މުޙައްމަދު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު [2023] SC 49 2022/SC-A/96 ޝަރީޢަތް ނިމުނުގޮތް މޯލްޑިވްސް އިމިގްރޭޝަން (ދިވެހި ދައުލަތް) ފަނޑިޔާރުންގެ މަޖިލިސް ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް
ނިމުނު ތާރީޚު 19 ނޮވެމްބަރ 2023
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ 2021/HC-A/16 އިސްތިއުނާފު ރައްދުވާ ފަރާތް އިސްތިއުނާފުކުރާ ފަރާތް ނެތް މޯލްޑިވްސް އިމިގްރޭޝަން (ދިވެހި ދައުލަތް) ޤާނޫނީ ވަކީލް: ސީނިއަރ ސްޓޭޓް އެޓަރނީ ސާދިޙު ނަޞީރު، ސީނިއަރ ސްޓޭޓް ކައުންސެލް ޙައްވާ ސަނާ
މަދަނީ - އިސްތިއުނާފު ކުރުމުގެ ހައިސިއްޔަތު - އަމުރު އިސްތިއުނާފު ކުރުން - Ultra vires - ތަޙްވީލު
ފިހުރިސްތު
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު 2
ތަޢާރުފު 2
މައްސަލައިގައި ކަންހިނގާފައިވާ ގޮތް 2
ދިވެހިރާއްޖޭގެ ހައިކޯޓު މަރުޙަލާ 3
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ނުކުތާ 4
ސުޕްރީމް ކޯޓުން ގޮތް ކަނޑައަޅަންޖެހޭ ނުކުތާ 5
އިސްތިއުނާފު ކުރުމުގެ ޙައްޤު 5
އިސްތިއުނާފު ކުރުމުގެ މަސްލަހަތު 7
ނިންމަން ފެންނަ ގޮތް 10
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު 10
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު 10
ޙުކުމް 10
` މޯލްޑިވްސް އިމިގްރޭޝަން (ދިވެހި ދައުލަތް) [2023] SC 49
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު (ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި)
ތަޢާރުފު
1. މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/16 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަން (ދިވެހި ދައުލަތް) (މީގެ ފަހުން "އިސްތިއުނާފު ކުރާ ފަރާތް" ނުވަތަ "ދައުލަތުން"( ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، މި ކޯޓުގެ ނަންބަރު 2022/SC-A/96 ޤަޟިއްޔާއިން ބެލި އިސްތިއުނާފީ މައްސަލައެކެވެ. މި އިސްތިއުނާފީ މައްސަލައިގައި ދަޢުވާ ރައްދުވާ ފަރާތެއް ހިމެނިފައި ނުވެއެވެ.
މައްސަލައިގައި ކަންހިނގާފައިވާ ގޮތް
2. ސިވިލް ކޯޓުގެ ނަންބަރު 1877/Cv-C/2020 ޤަޟިއްޔާއިން ބަލަމުންދިޔަ ސާބިތު ދަރަނީގެ މައްސަލައަކާ ގުޅިގެން އެ ޤަޟިއްޔާގައި ދަޢުވާލިބޭ ފަރާތް ކަމުގައިވާ އިބްރާހީމް ޙުސައިން ޒަކީ1 ގެ ޕާސްޕޯޓު ކެންސަލް ކުރުމުގެ އަމުރެއް2 ސިވިލް ކޯޓުން ނެރުނެވެ. އެ އަމުރު ގައިވަނީ އަންނަނިވި އިބާރާތެވެ.
"ފަހެ، އިބްރާހީމް ޙުސައިން ޒަކީ ގެ ޕާސްޕޯޓު މި އަމުރު ލިބޭ ހިނދުން ފެށިގެން ކެންސަލް ކުރުމަށް މޯލްޑިވްސް އިމިގްރޭޝަންއަށް އަންގައި އަމުރުކޮށްފީމެވެ."
މިފަދައިންނެވެ.
3. ސިވިލް ކޯޓުގެ ނަންބަރު 144-B5-CR-4/CA/2020/3028 އަމުރު (މީގެ ފަހުން "ކޯޓު އަމުރު") ރައްދުވާ ފަރާތެއްގެ ގޮތުގައި އެ އަމުރުގައި ބަޔާންކޮށްފައިވަނީ މޯލްޑިވްސް އިމިގްރޭޝަންއެވެ.
4. ސިވިލް ކޯޓުން މޯލްޑިވްސް އިމިގްރޭޝަންއަށް ރައްދުވާ ގޮތަށް ޕާސްޕޯޓް ކެންސަލް ކުރުމަށް އަންގާ އަމުރު ނެރުމާ ގުޅިގެން އެ އަމުރަކީ ޤާނޫނީ ހަމަތަކާ އެއްގޮތަށް ނެރެފައިވާ އަމުރެއް ނޫންކަމުގައި ދެކި އެ އަމުރު އިސްތިއުނާފު ކުރުމަށް ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓު މަރުޙަލާ
5. ސިވިލް ކޯޓުން ނެރުނު ކޯޓު އަމުރު އިސްތިއުނާފު ކުރުމަށް އެދި ދައުލަތު (އެޓަރނީ ޖެނެރަލްގެ އޮފީސް) ގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުގެ ނަންބަރު 2021/HC-A/16 ޤަޟިއްޔާއިން ބަލައި ޙުކުމް ކޮށްފައިވަނީ، ސިވިލް ކޯޓުން ނެރުނު ކޯޓު އަމުރު އިސްތިއުނާފު ކުރުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުގެ ހައިސިއްޔަތު ދިވެހި ދައުލަތަށް (މޯލްޑިވްސް އިމިގްރޭޝަނަށް) ލިބިގެންނުވާތީ، އެ ކޯޓު އަމުރާ މެދު ހައިކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ ޤާނޫނީ ސަބަބެއް ނެތްކަމަށެވެ.
6. ދިވެހިރާއްޖޭގެ ހައިކޯޓުން މިފަދައިން ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮވެއެވެ.
(ހ) މި މައްސަލައިގައި ޕާސްޕޯޓު ކެންސަލްކޮށްފައިވަނީ، އިބްރާހީމް ޙުސައިން ޒަކީގެ ޕާސްޕޯޓް ކަމަށްވާތީ، އިބްރާހީމް ޙުސައިން ޒަކީގެ ޕާސްޕޯޓް ކެންސަލްކުރުމުގެ ސަބަބުން، ގެއްލިގެން ގޮސްފައިވަނީ ދައުލަތުގެ ކޮން ޙައްޤެއް ނުވަތަ މަޞްލަޙަތެއްކަމެއް ދައުލަތަށް ބަޔާންކޮށް ދެވިފައިނުވާކަން.
(ށ) އާންމު ފަރުދުންގެ މަދަނީ މަޞްލަޙަތު ހިމެނޭ މައްސަލަތަކާއި، އަސާސީ ޙައްޤުތަކާއި ގުޅިފައިވާ ކަންކަމުގައި، އެ ފަރާތެއްގެ ޙައްޤެއް ނުވަތަ މަޞްލަޙަތެއް ގެއްލޭކަމަށް ބުނާ ޙާލަތުގައި، އެ ފަރާތެއްގެ މަދަނީ ނުވަތަ އަސާސީ ޙައްޤެއް ޙިމާޔަތް ކުރުމަށް، މަސައްކަތް ކުރުމަކީ އެ މަޞްލަޙަތެއް ނުވަތަ އަސާސީ ޙައްޤެއް ގެއްލުނު ފަރާތުގެ ޒިންމާއެއްކަން.
(ނ) އިބްރާހީމް ޙުސައިން ޒަކީގެ ޕާސްޕޯޓް ކެންސަލް ކުރުމުގެ ސަބަބުން އިބްރާހީމް ޙުސައިން ޒަކީގެ ޙައްޤެއް ގެއްލިފައިވާނަމަ، އެ މައްސަލަ އިސްތިއުނާފު ކުރުމަކީ އެ ފަރާތުގެ ޙައްޤަކަށްވާއިރު، އެ ޙައްޤު ދިވެހި ދައުލަތުގެ މައްޗަށް ފުރޮޅިގެން އައީ ކިހިނެއްކަން ދައުލަތަށް ބަޔާންކޮށްދެވިފައި ނުވާކަން.
(ރ) މީހެއްގެ ޙައްޤެއް ގެއްލިއްޖެ ކަމަށް އެ މީހަކަށް ޤަބޫލު ކުރެވޭ ޙާލަތުގައި، އެ މީހަކު ފަރުދީ ގޮތުން އެ މައްސަލައެއް އިސްތިއުނާފު ކުރުމުގެ ބަދަލުގައި ދިވެހި ދައުލަތުގެ ފަރާތުން އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމަކީ އެކަމުގެ ސަބަބުން ޤާނޫނީ ނުރަނގަޅު އެތައް ނަތީޖާއެއް ކުރިމަތިވެގެން ދާނެ ކަމެއްކަމުން މި މައްސަލަ އިސްތިއުނާފު ކުރުމުގެ ހައިސިއްޔަތު ދައުލަތަށް ލިބިގެން ނުވާކަން.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ނުކުތާ
7. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/16 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމަށް ބުނެ އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށްޓަކައި އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވަނީ އެންމެ ނުކުތާއެކެވެ. އެއީ، ސިވިލް ކޯޓުން ނެރުނު ކޯޓު އަމުރު ރައްދުވާ ފަރާތަކީ މޯލްޑިވްސް އިމިގްރޭޝަން ކަމުގައިވާއިރު، އަދި އެ އަމުރު ތަންފީޒުކުރަންޖެހޭ ފަރާތަކީވެސް މޯލްޑިވްސް އިމިގްރޭޝަން ކަމުގައިވާއިރު، މި ކަންކަމުން އެ އަމުރަކީ ދައުލަތާ ގުޅުންހުރި އަމުރެއްކަން އެނގޭއިރު، އެ އަމުރު އިސްތިއުނާފު ކުރުމުގެ ޙައްޤު މޯލްޑިވްސް އިމިގްރޭޝަން ނުވަތަ ދައުލަތަށް ލިބިގެން ނުވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގައި މަދަނީ މައްސަލަތަކުގައި އިއްވާ ޙުކުމްތަކާއި ނެރޭ ކޯޓު އަމުރުތައް އިސްތިއުނާފު ކުރުމުގެ ޙައްޤު މައްސަލައާ ގުޅުންހުރި ކޮންމެ މީހަކަށް ލިބިގެންވާ ކަމަށް ބަޔާންކޮށްފައިވާ އުސޫލާ ޚިލާފަށްކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
8. މި ކަންކަން ފާހަގަކުރުމަށްފަހު ދައުލަތުގެ ފަރާތުން އެދިފައިވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/16 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމް ބާޠިލުކޮށް، މި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުން އަލުން ބަލައި ފައިސަލާކުރަނިވި ނިންމުމެއް ނިންމަންޖެހޭ މައްސަލައެއް ކަމަށް ކަނޑައަޅައި، މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ތަޙްވީލު ކުރަންޖެހޭ މައްސަލައެއް ކަމަށް ކަނޑައަޅައި ދިނުމަށެވެ.
ސުޕްރީމް ކޯޓުން ގޮތް ކަނޑައަޅަންޖެހޭ ނުކުތާ
9. މި އިސްތިއުނާފާ ގުޅިގެން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާގެ އަލީގައި މި ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ މައިގަނޑު ނުކުތާއަކީ، މޯލްޑިވްސް އިމިގްރޭޝަން (ދައުލަތް) ގެ މައްޗަށް ސިވިލް ކޯޓުން ނެރެފައިވާ އަމުރު އިސްތިއުނާފު ކުރުމުގެ ހައިސިއްޔަތު ދައުލަތަށް ލިބިގެންވާކަން ނުވަތަ ނޫންކަމުގެ މައްޗަށެވެ.
އިސްތިއުނާފު ކުރުމުގެ ޙައްޤު
10. މި މައްސަލަ އިސްތިއުނާފު ކުރުމަށް ދައުލަތުގެ ފަރާތުން މި ކޯޓަށް ހުށަހެޅި ހަމައެކަނި ނުކުތާގައި ދައުލަތުން ފާހަގަކޮށްފައިވަނީ، ސިވިލް ކޯޓުން ނެރުނު ކޯޓު އަމުރު އިސްތިއުނާފު ކުރުމުގެ ޙައްޤު މޯލްޑިވްސް އިމިގްރޭޝަން ނުވަތަ ދައުލަތަށް ލިބިގެން ނުވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގައި މަދަނީ މައްސަލަތަކުގައި އިއްވާ ޙުކުމްތަކާއި ނެރޭ ކޯޓު އަމުރުތައް އިސްތިއުނާފު ކުރުމުގެ ޙައްޤު މައްސަލައާ ގުޅުންހުރި ކޮންމެ މީހަކަށް ލިބިގެންވާ ކަމަށް ބަޔާންކޮށްފައިވާ އުސޫލާ ޚިލާފަށްކަމަށެވެ.
11. އިސްތިއުނާފު ކޮށްފައި މިވާ މައްސަލައާ ގުޅިގެން ސިވިލް ކޯޓުން ނެރުނު ކޯޓު އަމުރު އިސްތިއުނާފު ކުރުމަށް ހައިކޯޓަށް ހުށަހެޅުމުގެ ހައިސިއްޔަތު ދިވެހި ދައުލަތަށް ލިބިގެންނުވާ ކަމަށް ހައިކޯޓުން ނިންމާފައިވަނީ މި ރައުޔުގެ 6 ވަނަ ޕެރެގްރާފްގައި ފާހަގަކޮށްފައިވާ ސަބަބުތައް ބަޔާންކޮށް3 ކަމުގައިވާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނަނީ:
"ޖިނާއީ މައްސަލަތަކުގައްޔާއި މަދަނީ މައްސަލަތަކުގައި އިއްވާ ޙުކުމްތަކާއި ނެރޭ ކޯޓުގެ އަމުރުތައް އިސްތިއުނާފަށް ހުށަހެޅުމުގެ ޙައްޤު، މައްސަލައާ ގުޅުންހުރި ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ."
މިފަދައިންނެވެ.
12. އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް މެލޭޝިޔާ ވ. ވަން އެންޑް ހާފް ޑިގްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް4 އަދި ސުޕްރީމް ކޯޓުން ނިންމާފައިވާ އެހެނިހެން މައްސަލަތަކުގައިވެސް ފާހަގަކޮށްފައިވާ ފަދައިން، އިސްތިއުނާފު ކުރުމުގެ ޙައްޤު މާނަކުރުމުގައި ޤާނޫނުއަސާސީގެ 56 ވަނަ މާއްދާ5 އާއެކު، ޤާނޫނުއަސާސީގެ 16 ވަނަ މާއްދާ6 އާއި، 68 ވަނަ މާއްދާ7 އާއި، 69 ވަނަ މާއްދާ8 އަށް ރިޢާޔަތްކުރަންވާނެއެވެ. އެގޮތުން، ޤާނޫނަކުން ހަނިކޮށްފައި ނުވާނަމަ، އިސްތިއުނާފު ކުރުމުގެ ޙައްޤު މާނަކުރަންވާނީ އިންސާނީ ޝަރަފާއި ހަމަހަމަކަމާއި މިނިވަންކަމަށް ބިނާކޮށް އުފެދިފައިވާ، ހުޅުވިގެންވާ ދީމިޤްރާޠީ މުޖުތަމަޢުތަކުން ޤަބޫލުކުރާ އުސޫލުތަކަށް ބަލައި، ޙައްޤު ކަށަވަރުކޮށްދިނުމުގެ ގޮތުން، އަދި އެ ޙައްޤުގެ މަންފާ އެންމެ ފުޅާމިނުގައި ލިބިދެވޭ ފަދައަކުން، އެ ޙައްޤު ނިގުޅައިގަނެވޭނެ ނުވަތަ ހަނި ނުކުރެވޭނެ ފަދައަކުން ކަމަށާއި، ޤާނޫނުއަސާސީގެ 16 ވަނަ މާއްދާއާއި، 68 ވަނަ އާއި، 69 ވަނަ މާއްދާ އެކުގައި ކިޔާއިރު، ޤާނޫނުއަސާސީގެ 69 ވަނަ މާއްދާއަކީ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާއާއި، 68 ވަނަ މާއްދާގައި ބަޔާންކުރާ ފަދައިން ކަންކުރުމުން ނިކުންނަ ނަތީޖާއަށް ޙަވާލާދީ، އޭގެން އިތުރު ހިފެހެއްޓުމެއް ނުވަތަ ގައިދުކުރުމެއް ގެންގުޅުން މަނާކުރުމުގެ ގޮތުން ހިމަނާފައިވާ މާއްދާއެއް ކަމުގައެވެ.
13. ދަށު މަރުހަލާގެ ކޯޓުގެ ނިންމުމެއް ކަމާބެހޭ އިސްތިއުނާފީ ކޯޓެއްގައި އިސްތިއުނާފު ކުރުމުގެ ޙައްޤަކީ ދުނިޔޭގެ އެންމެހައި ޤާނޫނީ ނިޒާމުތަކުގައި އިސްތިޤުރާރުވެފައިވާ ޤާނޫނީ ޢާންމު މަބްދައެކެވެ. މިކަމާމެދު ޚިލާފެއް ނެތެވެ.
14. އިސްތިއުނާފު ކޮށްފައިވާ ހައިކޯޓުގެ ނިންމުމާމެދު ޚިލާފު އުފެދިފައިވަނީ ސިވިލް ކޯޓުން ނެރުނު ކޯޓު އަމުރު އިސްތިއުނާފު ކުރުމުގެ މަސްލަޙަތު އޮތް ފަރާތަކީ ކޮބައިކަމާ މެދުއެވެ. އަދި އެ އަމުރު ރައްދުވި މޯލްޑިވްސް އިމިގްރޭޝަންއަށް އެ އަމުރު އިސްތިއުނާފު ކުރުމުގެ މަސްލަހަތެއް އޮތްކަން ނުވަތަ ނޫންކަމާމެދުއެވެ.
އިސްތިއުނާފު ކުރުމުގެ މަސްލަހަތު
15. އިސްތިއުނާފުކޮށްފައި މިވާ ހައިކޯޓުގެ ޤަޟިއްޔާގައި ސިވިލް ކޯޓުން ނެރުނު ކޯޓު އަމުރު އިސްތިއުނާފު ކުރަމުން ދައުލަތުގެ ފަރާތުން ބުނެފައިވަނީ އެ އަމުރަކީ ދަރަނީގެ ޙުކުމް ތަންފީޒު ކުރުމުގެ މަރުޙަލާގައި ނެރެފައިވާ އަމުރެއް ކަމަށާއި، އެފަދަ މައްސަލަތަކުގައި އަމަލުކުރަންޖެހޭ އިޖުރާއަތު ބަޔާންކޮށްފައިވަނީ "ރަހުނެއް ނުހިމެނޭ ސާބިތު ދަރަނީގެ މުޢާމަލާތްތަކުގައި ޢަމަލުކުރަންވީ ގޮތުގެ ގަވާއިދު" ގައި ކަމަށް ވާއިރު، އަދި އެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ބ) ގެ ދަށުން ޕާސްޕޯޓު ހިފެހެއްޓިދާނެ ހާލަތެއް ހިމެނިފައިވާ ނަމަވެސް، އެ މާއްދާގެ ދަށުން ޤާނޫނާ އެއްގޮތަށް ދިވެހިރައްޔިތަކަށް ދޫކޮށްފައިވާ ޕާސްޕޯޓެއް ކެންސަލްކުރުމުގެ ބާރު ލިބިދީފައި ނުވާތީ، ޕާސްޕޯޓު ކެންސަލްކުރުމަށް އަންގާ އަމުރު ނެރެފައިވަނީ ކޮން ޤާނޫނީ ނައްސެއްގެ ދަށުންކަން އެނގެން ނެތުމުން، ޙުކުމް ތަންފީޒު މަރުހަލާގައި ޕާސްޕޯޓު ކެންސަލްކުރުމަށް ސިވިލް ކޯޓުން އަމުރުކޮށްފައިވަނީ "ރަހުނެއް ނުހިމެނޭ ސާބިތު ދަރަނީގެ މުޢާމަލާތްތަކުގައި ޢަމަލުކުރަންވީ ގޮތުގެ ގަވާއިދު" ގެ 13 ވަނަ މާއްދާއާ ޚިލާފަށް ކަމަށެވެ.9
16. އާދައިގެ ގޮތަކަށް ބުނާނަމަ، ދައުލަތުގެ ފަރާތުން ސިވިލް ކޯޓުން ނެރުނު ކޯޓު އަމުރު ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ އެ އަމުރަކީ ޤާނޫނީ އިމުގެ ބޭރުން ނެރެފައިވާ އަމުރެއް ކަމުގައި ބުނެއެވެ.
17. ހައިކޯޓަށް ހުށަހެޅުނު މައްސަލަ ނިންމުމުގައި ފާހަގަކޮށްފައިވާ ކަންކަމަށް ބެލުމުން،10 އެ ކޯޓުން މައްސަލަ ބެލުމުގައި، މައްސަލައަކީ ފަރުދީ އަދި އަސާސީ ހައްޤަކާ ގުޅޭ މައްސަލައެއް ގޮތުގައި ދެކި، އެ ގޮތުގެ މަތިން މައްސަލަ ނިންމާފައިވާ ކަމުގައި ދޭހަވެއެވެ. އެހެންނަމަވެސް، ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައަކީ އެފަދައިން ފަރުމާކޮށް ހުށަހަޅާފައިވާ މައްސަލައެއް ކަމުގައިނުވާތީ، ދައުލަތުގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލަ ހުށަހެޅުމުގެ ހައިސިއްޔަތު އެ ފަރާތަށް ލިބިގެންވާކަން ނުވަތަ ނޫންކަމުގެ މައްޗަށް އެއްޗެއް ބުނަންޖެހޭ ކަމުގައި ދެކެމެވެ.
18. ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ބާރުލިބިގެން ހަދާ ޤަވާޢިދަކީ ޤާނޫނުން ބާރު ލިބިފައިވާ އަދި ޤާނޫނީ ބާރާއެކު ތަންފީޒުކުރެވޭނޭ އެއްޗެއް11 ކަމުގައިވާހިނދު، ފަނޑިޔާރުންނަކީ ޤާނޫނުއަސާސީއާއި ޤާނޫނާއި ގަވާއިދުގެ ޙުދޫދުގެ ތެރެއިން ޢަމަލުކުރަން ޖެހޭ ބައެކެވެ.12
19. ކޯޓަކުން ނެރޭ އަމުރަކީ އެ އަމުރު ނެރުނު ކޯޓަކުން ނުވަތަ އެ އަމުރެއް އިސްތިއުނާފު ކުރެވުމުން އިސްތިއުނާފީ ކޯޓަކުން އެ އަމުރެއް ބާޠިލު ނުކުރާހާ ހިނދަކު، އަމުރުގެ ބާރު ދެމި އޮންނާނެ އަމުރެއް ކަމުގައިވާތީ، ދަށު ކޯޓަކުން ނެރެފައިވާ އަމުރަކީ ޤާނޫނަކާ ނުވަތަ ޤާނޫނަކުން ބާރުލިބިގެން ހަދާފައިވާ ގަވާއިދަކާ ޚިލާފު އަމުރެއް ކަމަށް ޤަބޫލުކުރެވޭ ޙާލަތުގައި، ޤާނޫނުން ލިބިދީފައި އޮންނަ ފަރުވާއަކީ، ކަމުގެ މަސްލަހަތު އޮތް ފަރާތަކުން އެކަން ފާހަގަކޮށް، މައްސަލަ ހުށަހެޅުމެވެ.13
20. ޤާނޫނީ ނިޒާމު މިފަދައިން ރޭވި ފަރުމާކުރެވިފައިވަނީ ކޯޓުތަކަށް ލިބިގެންވާ ބާރު ނެގެހެއްޓުމުގެ އިތުރުން، ކޯޓެއްގެ ނިންމުމުގައި ޤާނޫނީ ގޮތުން ނުވަތަ އިޖުރާއީ ގޮތުން ކުށެއް ހެދިފައިވާކަމަށް ގަބޫލުކުރެވޭ ހާލަތުގައި އެކަން ރަނގަޅުކުރުމުގެ ފުރުސަތު ލިބިދިނުމުގެ ގޮތުންކަމުގައި އަހުރެން ދެކެމެވެ. މި ނޫންގޮތަކަށް ނިޒާމު ރޭވިފައިވާނަމަ، ކޯޓެއްގެ ނިންމުމަކީ ޤާނޫނާ ޚިލާފު ނިންމުމެއް ކަމަށް ފެންނަ ފަރާތަކަށް، އެ ނިންމުމާ އެއްގޮތަށް އަމަލު ނުކުރުމުގެ ފުރުސަތު ހުޅުވިގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ކޯޓުތަކުގެ ބާރު ކެނޑި، ޤާނޫނުގެ ވެރިކަން ނެގެހެއްޓުމަށް ނޭދެވޭ އަސަރުތަކެއް ކުރާނެއެވެ.
21. ސިވިލް ކޯޓުން ނެރެފައިވާ ކޯޓު އަމުރު އިސްތިއުނާފު ކުރުމަށް ދައުލަތުން ހައިކޯޓަށް އިސްތިއުނާފު ކޮށްފައިވާ މައްސަލައަށް ބަލާއިރު، އެ މައްސަލައިގެ ބިނާއަކީ ސިވިލް ކޯޓުން ނެރެފައިވާ ކޯޓު އަމުރަކީ ޤާނޫނީ އިމުގެ ބޭރުން ނެރެފައިވާ (ultra vires) އަމުރެއް ކަމުގައިވުމެވެ.
22. އެ އަމުރު ރައްދުވަނީ ނުވަތަ އެ އަމުރުގައިވާ ފިޔަވަޅު އަޅަންޖެހޭ ފަރާތަކީ މޯލްޑިވްސް އިމިގްރޭޝަން އެވެ. އެހެންކަމުން، މޯލްޑިވްސް އިމިގްރޭޝަންއަށް އެ އަމުރަކީ ޤާނޫނީ އިމުގެ ބޭރުން ނެރެފައިވާ އަމުރެއް ކަމުގައި ބެލެވޭ ހާލަތުގައި، އެ އަމުރަށް ތަބާނުވެ ނުވަތަ އެ އަމުރަށް ސަމާލުކަމެއް ނުދީ ނުވަތަ އެ އަމުރުގެ މައްޗަށް އެއްވެސް ފިޔަވަޅެއް ނާޅާ ބޭއްވުމުގެ ބަދަލުގައި ޤާނޫނީ ނިޒާމުގެ ތެރެއިން ޖެހޭނީ އެ އަމުރު އިސްތިއުނާފު ކުރާށެވެ.
23. ޤާނޫނުއަސާސީގައިވާ ގޮތުން ކޯޓުތަކުގައި މޯލްޑިވްސް އިމިގްރޭޝަން ތަމްސީލުކުރާނީ ދައުލަތުން، ދައުލަތުގެ ބަންޑާރަ ނާއިބު14 ކަމުގައިވާތީ، އަދި ހައިކޯޓަށް ހުށަހެޅުނު މައްސަލައަކީ އިބްރާހީމް ޙުސައިން ޒަކީގެ ޕާސްޕޯޓް ކެންސަލްކުރުމަށް ސިވިލް ކޯޓުން ނެރެފައިވާ އަމުރަކީ ޤާނޫނާ ޚިލާފު އަމުރެއް ކަމުގައި ދެކިގެން ހުށަހަޅާފައިވާ މައްސަލައެއް ކަމުގައިވާތީ، މި ހާލަތުގައި، ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ފަދައިން އެ އަމުރު އިސްތިއުނާފު ކުރުމުގެ ހައިސިއްޔަތު ނުވަތަ މަސްލަހަތު ދައުލަތުގެ ކިބައިގައި އޮތްކަމަށް ބަލަންޖެހޭ ކަމުގައި އަހުރެން ދެކެމެވެ.
ނިންމަން ފެންނަ ގޮތް
24. މަތީގައި ބަޔާންކުރެވުނު ކަންކަމުގެ އަލީގައި، ހައިކޯޓުގެ ނަންބަރު 2021/HC-A/16 ޤަޟިއްޔާގެ ނިންމުމުގައި ހައިކޯޓަށް އެ މައްސަލަ ހުށަހެޅުމުގެ ހައިސިއްޔަތު ދައުލަތަށް ލިބިގެން ނުވާކަމުގައި ކަނޑައަޅައި އެ ކޯޓުން ނިންމާފައިވާ ނިންމުމަކީ ޤާނޫނީ އުސޫލުތަކާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ނޫން ކަމުގައި ކަނޑައަޅައި، އެ ޙުކުމް ބާޠިލުކުރުމަށް އަހުރެންނަށް ފެނެއެވެ.
25. އަދި ހަމަ އެއާއެކު، ހައިކޯޓަށް ހުށަހެޅުނު އިސްތިއުނާފުގެ މައުޟޫޢާމެދު، (އެއީ، ސިވިލް ކޯޓުން ނެރެފައިވާ ކޯޓު އަމުރަކީ ޤާނޫނީ އިމުގެ ތެރެއިން ނެރެފައިވާ އަމުރެއްކަން ނުވަތަ ނޫންކަމާމެދު) ހައިކޯޓުން ގޮތެއް ކަނޑައެޅުމަށްޓަކައި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 18 ވަނަ މާއްދާގެ (ށ) އަށް ހަވާލާދީ، މި މައްސަލަ ހައިކޯޓަށް ތަޙްވީލުކުރުމަށް އަހުރެންނަށް ފެނެއެވެ.
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު
26. މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު
27. މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ސަބަބުތައް އެހެން ހުރުމުން، އިސްތިއުނާފު ކުރެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/16 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަކީ ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކޮށްފައިވާ ޙުކުމެއް ކަމުގައި ކަނޑައަޅައި، އެ ޙުކުމް ބާޠިލް ކުރުމާއެކު، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 18 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ މައްސަލައިގެ މައުޟޫޢަށް ގޮތެއް ކަނޑައެޅުމަށް އަންގައި ދިވެހިރާއްޖޭގެ ހައިކޯޓަށް މައްސަލަ ތަޙްވީލުކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ: ޢަލީ ރަޝީދު ޙުސައިން ޢާއިޝާ ޝުޖޫން މުޙައްމަދު މުޙައްމަދު އިބްރާހީމް (ރިޔާސަތު)
1 ދިވެހިރައްޔިތެއްކަން އަންގައިދާ ކާޑު ނަންބަރު
2 ސިވިލް ކޯޓުގެ ނަންބަރު 144-B5-CR-4/CA/2020/3028 އަމުރު
3 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/16 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 6 ވަނަ ނުކުތާ، ޞަފުޙާ 5
4 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/40 ޤަޟިއްޔާ.
5 އިސްތިއުނާފުކުރުމުގެ ޙައްޤު.
6 ޙައްޤުތައް ކަށަވަރުކޮށްދިނުން.
7 މާނަކުރުން.
8 ޙައްޤެއް ނުވަތަ މިނިވަންކަމެއް ނިގުޅައިގަނެވޭނެފަދަ ގޮތަކަށް ޤާނޫނުއަސާސީ މާނަ ނުކުރުން.
9 ސިވިލް ކޯޓުގެ ނަންބަރު 144-B5-CR-4/CA/2020/3028 އަމުރު އިސްތިއުނާފު ކުރުން އެދި ދިވެހި ދައުލަތް (މޯލްޑިވްސް އިމިގްރޭޝަން) ގެ ފަރާތުން ހުށަހަޅާފައިވާ 'ފުރަތަމަ މަރުޙަލާގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ ނިންމުންތައް އިސްތިއުނާފުކުރުމަށް އެދި ހުށަހަޅާ ފޯމު' (ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/16 ޤަޟިއްޔާގެ "ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓު" ގެ ]ސޮޕްޓް ކޮޕީގެ[ 39 ވަނަ ސަފުހާއިން 45 ވަނަ ސަފުހާގެ ނިޔަލަށް) ގެ 7 އަދި 8 ވަނަ ނަންބަރުގެ ދަށުގައި ހިމަނާފައިވާ ކަންކަން.
10 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/16 ޤަޟިއްޔާގެ "ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު" ގެ 6 އަދި 7 ވަނަ ޕެރެގްރާފް ވަނަ ނުކުތާ، ޞަފުޙާ 5 އަދި 6.
11 ޤާނޫނުއަސާސީގެ 271 ވަނަ މާއްދާ.
12 ޤާނޫނުއަސާސީގެ 142 ވަނަ މާއްދާ އަދި ޤާނޫނު ނަންބަރު 14/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 20 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރު.
13 ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 38 ވަނަ މާއްދާ އަދި 43 ވަނަ މާއްދާ.
14 ޤާނޫނުއަސާސީގެ 133 ވަނަ މާއްދާގެ (ނ).
2022/SC-A/96 [2023] SC 49
2019/SC-A/300 [2021] SC 778
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.